އާން ދަރިފުޅާ، ހައިކަލް މެންނަށް އެހީ ނުވެ ކިހިނެތް ތިބޭނީ.. އެއީ ހާދަ ރަނގަޅު ދެމަފިރިންނޭ.. އަދި އެހެން ވާހަކައެއް ވެސް ކިޔަންވެގެން މިއައީ.. ހައިކަލްއަށް މިހާރު އެނގިއްޖެ އަމީރާއަކީ ކަން އޭނާގެ ގެއްލުނު ދަރިފުޅު” އާދަމް ބުނެލިއެވެ.
އާދަމްގެ އެންމެ ފަހު ޖުމްލައިން މާއިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކަންފަތަށް އިވުނު ބަސްތައް ގަބޫލުކުރަން ދަތިވެފައި އޭނާއަށް ހުއްޓުން އަރާފައި އިނދެވުނެވެ. ހިނދުކޮޅަކަށް މާއިންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ލިބުނު ސިހުމުގައި، އޭނާއަށް ގޮނޑިން ކޮޅަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.
****
އާދަމްއާއި ޝަރުވާން ދިޔައީ ސިހިގެންނެވެ. ފަހަތަށް އެނބުރި ބަލައިލި ހިނދު ދެމީހުންނަށް ފެނުނީ މާއިންއެވެ. އިވުނު ވާހަކަތަކުން ލިބުނު ޝޮކުގައި، ގުޑިލަންވެސް ނޭނގިފައި މާއިން ހުރީ ދެމީހުންގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ޤަބޫލުކުރަން ދަތިވެފައިވާ ކަމުގެ އަސަރުތަކެވެ.
މާއިން ފެނި އާދަމްގެ ދެލޯ ވެސް ދިޔައީ ބޮޑުވެގެންނެވެ. އަވަސް އަވަހަށް އަނގަމަތީގައި އަތްއަޅައިލެވުނު ގޮތަށް، އޭނާއަށް ފުރަގަސްދީ އެނބުރިލެވުނެވެ. މާއިން އެތާ ހުރިކަން ނޭނގި މި ބޭރުކޮށްލެވުނީ ކޮންފަދަ ސިއްރެއް ހެއްޔެވެ؟ އެހެން ނޫނަސް އެފަދަ ވަގުތެއްގައި އެތަނުން މާއިން ފެންނާނެކަމަށް އުއްމީދުކުރެވޭނީ ވެސް ކިހިނެތް ހެއްޔެވެ. ހަދާނެ ގޮތް ހުސްވެ، އަމިއްލަ” ނަފުސަށް އަޑުލައިގަންނަމުން އާދަމް މަސައްކަތްކުރީ އެތަނުން ނުކުމެގެން ދާށެވެ.
“ބައްޕާ، ކިހިނެއްވީ؟ އޭނަ ދަންނަންތަ؟” އާދަމްގެ މޫނުމައްޗަށް ވެރިވި ކުލަވަރުން ހައިރާންވެފައި ހުރެ ޝަރުވާން އަހައިލިއެވެ. އަނެއްކޮޅުން ކުރިމަތީގައި ހުރި ނުދަންނަ ޒުވާނާގެ މޫނުމަތިން ވެސް ފެންނަނީ ހަމަ އެފަދަ ހައިރާންކަމެކެވެ. ޝަރުވާންގެ ހިތުގައި ސުވާލުތައް ފުނިޖެހެން ފެށިއެވެ.
“ދަރިފުޅާ، މިވަގުތު ބައްޕަ މިދަނީ” ޝަރުވާންގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި، ހާސްވެފައި ހުރި އާދަމް އަވަސްވެގަތީ އެތަނުން ނުކުންނާށެވެ. ނަމަވެސް އޭނާއަށް ދޮރާ ހަމައަށް ނުދެވެނީސް މާއިން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކުރިމައްޗަށް ހުއްޓުނެވެ.
“މަ ކުރާ ސުވާލުތަކަށް ޖަވާބު ދީފަ ނޫނީ މިތަނުން ދެވޭނެކަމަށް ހީނުކުރާތި!” މާއިން ވާހަކަ ދެއްކީ މަޑުން ނަމަވެސް، އެ އަޑުގައި ވަނީ އިންޒާރާއި ހަރުކަށިކަމެވެ. އާދަމް ދޫކޮށްލީ ފުން ނޭވާއެކެވެ. މާއިންއަށް ފިލައިގެން ދެން ސަލާމަތް ނުވެވޭނެކަން އޭނާއަށް ވިސްނުނު ކަހަލައެވެ.
“ފޯނު ނިމިއްޖެ، ފަސްސަތޭކަ ފަންސާސް ރުފިޔާ” ކައުންޓަރު ކައިރީގައި ހުރި ބިދޭސީ ސޭޓު ގޮވައިލި އަޑު އިވުނެވެ. އާދަމް ގާތު މަޑުކުރުމަށް އިޝާރާތްކޮށްފައި މާއިން ގޮސް ފޯނު ނެގިއެވެ. އަދި ވޮލެޓުން އެއްހާސް ރުފިޔާގެ ނޫޓެއް ނަގައި ކައުންޓަރު މަތީގައި ބޭއްވުމަށްފަހު އެނބުރި ހިނގައިގަތެވެ.
“ބާކީ-” ފައިސާ ނުނަގާ ދާތީ ޝަރުވާން ގޮވައިލިއެވެ.
“ޓިޕްސް!” މާއިން ފަސްއެނބުރި ބަލައިވެސް ނުލައި ބުނެލިއެވެ.
ފިހާރައިން މާއިން ނުކުތްއިރު ދޮރުމަތީގައި އާދަމް މަޑުކޮށްލައިގެން ހުއްޓެވެ. މާއިން ބަލައިލުމަށްފަހު އިޝާރާތްކޮށްލީ ދުރުގައި ޕާކުކޮށްފައި އޮތް އޭނާގެ ކާރަށެވެ. އާދަމް މަޑުމަޑުން ބޯޖަހައިލުމުން މާއިން އެ ދިމާއަށް ހިނގައިގަތެވެ.
“އަހަރެން ބޭނުން ހުރިހާ ކަމެއް ސާފުކޮށް އެނގެން. އިތުރަށް ސިއްރު ނުކޮށް ކިޔައިދިނުން އެންމެ ބުއްދިވެރިވާނީ. ސަބަބަކީ އަހަންނަށް ދެންމެ ދެއްކި ހުރިހާ ވާހަކައެއް ސާފުކޮށް އިވިއްޖެ” އާދަމް ކާރަށް އަރައި ހަމަޖެހިލުމާއެކު، ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެން އިނދެ މާއިން ބުނެލިއެވެ.
އާދަމްއަށް ފުރަތަމަވެސް ބުނާނެ އެއްޗެއް ނޭނގި އިނދެވުނީއެވެ. މާއިންގެ ކޮންމެ ހަރަކާތަކަށް ބަލަން އިންއިރު، އޭނާގެ އަމިއްލަ ހިތާ ސުވާލުކޮށްލެވުނީ މިއީ ހަމަ އެ މާއިންބާއޭ ހިތަށްއަރަމުންނެވެ. އެހެން ހީނުވާންވީ ސަބަބެއް ވެސް ނެތެވެ. މިހާ ދުވަސް ވަންދެން ދުރުކޮށްލާފައި އޮތް އަމިއްލަ ޢާއިލާއާ ބެހޭ ޚަބަރެއް އިވުމުން، އެކަމާ ގުޅުވައިގެން މާއިން އެފަދަ ގޮތަކަށް ސުވާލުކުރުމުން އާދަމްއަށް ތަފާތު އިޙްސާސެއް ކުރެވުނެވެ.
ކުރިމަތީގައި އިން ލޯގަނޑުން މާއިންގެ މޫނު ފެންނަމުން ދިޔައިރު، އެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފެނި ހިތަށް ވެސް އުނދަގޫވިއެވެ. ފުރަތަމަ ފަހަރަށް މާއިންއާ މެދު ފުންކޮށް ވިސްނައިލަން އޭނާގެ ހިތް މަޖުބޫރުކުރުވިއެވެ. އެ މޫނުމަތިން ފެންނަން ހުރި މަޢުޞޫމުކަމާއި، ދެލޮލަށް ޖަމާވެފައިވާ ކަރުނަތަކަކީ ދެއްކުންތެރިކަމެއް ނޫންކަން އެންމެ ނަޒަރަކުން ވެސް ޔަޤީންވިއެވެ. އެހެން މީހުންގެ ކުރިމަތީގައި ނުބައި މިޒާޖެއް ދައްކައިގެން އުޅޭ މާއިންގެ ހިތުގައި، މިފަދަ ނާޒުކު އަސަރުތަކެއް ފޮރުވިފައި ހުރެދާނެ ކަމަކަށް އާދަމް ކުރިން ހިޔެއްވެސް ނުކުރެއެވެ.
“އެންމެ ރަނގަޅު، ބޭބެއަށް އެނގޭ މިންވަރަކުން ހުރިހާ ވާހަކައެއް ވެސް ކިޔައިދީފާނަން. އެކަމަކު އޭގެ ކުރިން ބޭބެ ވެސް ކޮށްލަން ބޭނުންވާ ސުވާލެއް އެބައޮތް. ތެދަށް ޖަވާބު ދެވިދާނެތަ؟” މާއިންގެ މޫނަށް ފުން ނަޒަރަކުން ބަލަހައްޓައިގެން އިނދެ އާދަމް އަހައިލިއެވެ. ލިބުނު ފުރުޞަތުގައި އޭނާ ބޭނުންވީ އެތައް ދުވަހެއް ވަންދެން ހިތުތެރޭގައި ތާށިވެފައި އޮތް ބޮޑު ސުވާލުގެ ޖަވާބު ހޯދާށެވެ. މާއިން އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ބޯޖަހައިލިއެވެ. ވާހަކަ ކުރިއަށް ގެންދަން އާދަމްއަށް އެ މިންވަރު ވެސް ފުދުނެެވެ.
“ބޭބެ، މާއިން ދަންނަނީ އިއްޔެއަކު މިއަދަކު ނޫން. ތި ހުރިހާ ކުދިން ދުނިޔެއަށް ނުވެސް އަންނަނީސް، މާއިންގެ ބައްޕަގެ ވަޒީފާއަށް ވަތް ގޮތަށް މިއަދާ ހަމައަށް ވެސް މި ޢާއިލާގެ ޚިދުމަތުގައި މިއުޅެނީ. ކުޑައިރު އެހާ އަޚްލާޤު ރަނގަޅު، ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައި އުޅެފައި ކުއްލިއަކަށް ތި އުޅުން ގޯސްވާން ދިމާވި ސަބަބަކީ ކޮބާ؟ މިއީ ހަމައެކަނި ބޭބެ ކުރަން ބޭނުންވާ ސުވާލަކީ. މި ސުވާލަށް ތެދުވެރި ޖަވާބެއް ދީފިއްޔާ، މާއިންގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލަކަށް ވެސް ބޭބެއަށް އެނގޭ އެންމެ ތެދަށް ޖަވާބު ދޭނަން” މާއިންގެ މޫނަށް ދޭތެރެއަކުން ބަލާލަމުން އާދަމް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“މާއިންއަށް އެނގޭތަ؟ ހައިކަލް މިހާރު އެ އުޅެނީ ލޭމައްޗަށް ދާތީ ގަވާއިދުން ބޭސް ކާންޖެހިގެން. އާމިލާއަކަށް ވެސް، އަދި ގޭގެ އެހެން އެއްވެސް ކުއްޖަކަށް ވެސް މިކަމެއް ނޭނގޭނެ. މިއީ ހަމައެކަނި ބޭބެއަށް އެނގޭ ސިއްރެއް. އުއްމީދު ކުރަން މާއިން ވެސް މި ވާހަކަ އެހެން މީހަކަށް ކިޔައިނުދީ ސިއްރުކޮށްދޭނެ ކަމަށް. ބޭބެއަށް އިތުބާރު ކުރާތީތާ ސިއްރު ހިއްސާކުރާނީ ވެސް، ދޯ؟ މާ ބޮޑަށް ހިތާމަކޮށް، ކަންކަމާ ވިސްނާ ފިކުރު ބޮޑުވާތީ ހައިކަލް އެދަނީ ދުވަހެއް ދުވަހަކަށް ބަލިވަމުން. މަހަކު އެއްފަހަރު ޑޮކްޓަރަށް ދައްކައި ލޭގެ ޕްރެޝަރު ބަލަން ޖެހޭ. ބައެއް ފަހަރު އެކަނި ދިޔަޔަސް ގިނަ ފަހަރަށް ދާނީ ބޭބެ ގޮވައިގެން. މިހެން އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެދާނެ. މާއިންއަށް ވިސްނޭތަ، އޭނާ އެންމެ ބޮޑު ހިތާމައެއް އެ ކުރަނީ ހަމަ މާއިންއާ ހެދިކަން؟ ހައިކަލް އަބަދުވެސް ބުނާނެ، މާއިންގެ ތި ވިޔާނުދާ އުޅުން އިސްލާޙުކޮށް، ގޭގެ ހުރިހާ ކުދިންނާ ގުޅިގެން ހަރުދަނާ މީހަކަށް ވެއްޖެނަމަ އޭނާގެ ހުރިހާ ހާސްކަމަކާއި ބަލިމަޑުކަމެއް ފިލައިގެން ހިނގައިދާނެޔޭ.. އަނެއްކާ މިހާރު ހިނގަމުން މިދާ ހުރިހާ ކަމަކާއި ވިސްނަމުން ގޮސް އިތުރަށް ހާލަތު ގޯސް”
އާދަމް ހުރިހާ ވާހަކައެއް ދެއްކީ ހިތުގެ އަޑިންނެވެ. އެއްވެސް ކަމެއް ފޮރުވުމެއް ނެތި ސީދާ ތެދަށެވެ. ހައިކަލްގެ ޙާލަތު ކިޔައިދީގެން ނަމަވެސް މާއިންގެ ހިތް މަޑުވެ، އަމިއްލަ އާާއިލާއާ މެދު އޭނާގެ ހިތް ސާފުވުމަކީ އާދަމްގެ ހަމައެކަނި މަޤްސަދެވެ. ހައިކަލްގެ މި ސިއްރު އެހެން މީހެއްގެ ކަންފަތާ ހަމައަށް ފޯރުކޮށްދިންކަން އެނގިއްޖެނަމަ އޭނާ ހިތްހަމަނުޖެހޭނެކަން އާދަމްއަށް ރަނގަޅަށް އެނގެއެވެ. އެހެންނަމަވެސް، އެކަން ވެސް އޭނާ ކޮށްފިއެވެ. އެޢާއިލާގެ މުސްތަޤްބަލަށްޓަކައި އެ ބޮޑު ނުރައްކަލާ ކުރިމަތިލާން އޭނާ ފަހެއް ނުޖެހުނެވެ.
އާދަމްގެ އެ ވާހަކަތައް އިވުމުން މާއިންގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. މޭތެރޭގައި އުފެދުނީ ބަޔާންކުރަން ދަތި ދިލަ ވޭނެކެވެ. ކުރެވެމުން ދިޔައީ މުޅި ނަފުސު ކުށްވެރިކަމުގެ ބަރުދާހުން ފިސްފިސްވަމުންދާ ކަހަލަ އިޙްސާސެކެވެ. އިޚްތިޔާރަކާ ނުލައި ލޮލުން ފޭބި ކަރުނައިގެ ސައިލާބު އޭނާގެ ކޯތާފަތް ތެންމައިލިއެވެ. އާދަމްގެ ކޮންމެ ލަފުޒަކީ ތޫނު ހަންޖަރެއް ފަދައިން މާއިންގެ ހިތުގެ އެންމެ ފުންމިނަށް ހެރިގެންދިޔަ ތީރެކެވެ. ހީވީ އަހަރުތަކެއް ވަންދެން ޣަފްލަތުގެ ނިދީގައި އޮތް އޭނާގެ ޒަމީރު ކުއްލިއަކަށް ހޭލައްވައިލި ހެންނެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން އޭނާ ބާރަށް ތުންފަތުގައި ދައިގަތީ، ލޮލަށް ބޮނޑިވަމުން އައި އާ ކަރުނަތައް ހިފަހައްޓާލުމުގައި ކާމިޔާބުވޭތޯއެވެ.
ހަގީގަތުގައި އޭނާގެ ޢާއިލާއާ ދުރުވެވުނީ އެމީހުންގެ މާ ބޮޑު ކުށެއް އޮވެގެންނެއް ނޫނެވެ. ހުރިހާ ކަމެއް ވެސް ހިނގައިދިޔައީ ހުދު އޭނާ ވެސް ބޮޑު އޮޅުބޮޅުންގަނޑެއްގެ ތެރޭގައި ވަނިކޮށެވެ. އެހެން މީހެއްގެ ޙައްޤަކަށް ވާން ތައްޔާރުވެފައި ހުރި އަންހެން ކުއްޖެއްދެކެ ނޭނގުމެއްގެ ތެރޭގައި ލޯބިވެވުމުން، އޭނާގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހުނީއެވެ. އާހިރުގައި އެ ހިތްދަތި ކެއްސާ ކުރިމަތިލާން ޖެހުނީ ހަމަ އޭނާއަށެވެ. އެ ހިތާމަތައް ހިއްސާކޮށްލާނެ އިޚްލާޞްތެރި، ހެޔޮއެދޭ އެކުވެރިއަކު އޭރަކު ގާތަކު ނެތެވެ. އެކަމުގެ ސަބަބުން ނަފްސާނީ ބޮޑު އަނދަވަޅަކަށް ވެއްޓި، އެކަނިވެރިކަމުގައި އުޅެން މަޖުބޫރުވިއެވެ.
އޭގެ ފަހުން އޭނާއަށް ދިމާވީ މުޅި ދިރިއުޅުން ބަރުބާދުކޮށްލި ނުބައި އެކުވެރިންގެ ގްރޫޕަކާއެވެ. ދުވަހަކު ސިނގިރޭޓެއްގައި އަތްނުލާ އުޅުނު މާއިންގެ އެންމެ ގާތް އެކުވެރިއަކަށް ވީ ސިނގިރޭޓުގެ ދުންތަކެވެ. އަލަށް ދިމާވި އެ ނުބައި އެކުވެރިންގެ ދަލުގައި ޖެހި، މަޑުމަޑުން ގޮސް ރަލާއި މަސްތުވާތަކެތީގެ އަނދިރި ދުނިޔެއަށް މުޅި ނަފުސު ދޫކޮށްލެވުނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ގިނަ ވަގުތު ގެއިން ބޭރުގައި ހޭދަކުރަން ފެށި، އަމިއްލަ ޢާއިލާއާ މުޅިން ވަކިވެ އެކަހެރިވެވުމެވެ.
އެހެންނަމަވެސް، އެ ގްރޫޕުގެ މީހުން، އޭނާގެ ޢާއިލާއާ ބެހޭގޮތުން ވާހަކަ ދައްކަން ފަށައިފިނަމަ، އެމީހުންގެ އަނގަ ބަންދުކުރުމުގެ ނިޔަތުގައި، އަމިއްލަ ޢާއިލާއާ ދިމާލަށް ރުޅިވެރި ބަސްތައް ބުނެ ހަދައެވެ. އެއީ އެހެން މީހެއްގެ ނުބައި ނަޒަރެއް ޢާއިލާއަށް އަމާޒުވިޔަ ނުދިނުމަށެވެ. އެ ހުރިހާ ވިޔާނުދާ ކަމެއްގެ ތެރޭގައި ވެސް، ޢާއިލާއަށްޓަކައި އޭނާގެ ހިތުގައި ކުލުނާއި ފަނޑު ލޯތްބެއް ފޮރުވިފައި އޮތެވެ. ޚާއްޞަކޮށް، އެ ރަޙުމަތްތެރިންގެ ފަރާތުން ޢާއިލާގެ އެއްވެސް މީހަކަށް ގޯނާއެއް ލިބިދާނެތީ، އެމީހުންގެ ކުރިމަތީގައި ޢާއިލާގެ އެއްވެސް ވާހަކައެއް ނުދައްކައި ވޭތޯ އޭނާ އަބަދުވެސް ބަލައެވެ.
މާޒީގެ އެ ހިތި ހަނދާންތަކާ މެދު ވިސްނައިލެވުނު ވަރަކަށް، ކަރުގައި ދަގަނޑު ބޮޅެއް އެޅި ފިތެމުންދާ ފަދަ ނޭވާހާސްކަމެއް މާއިންއަށް އިޙްސާސް ކުރެވެން ފެށިއެވެ. އަމިއްލަ ނަފްސުގެ ކުށްވެރިކަމުގެ އިޙްސާސް އިންތިހާއަށް ބޮޑުވެގެން ދިޔައިރު، ކުރިމަތީގައި އިން އާދަމްގެ މޫނަށް ބަލައިލަން ވެސް އޭނާގެ ލޮލަކަށް ކުޅަދާނައެއް ނުވިއެވެ.
“އަންހެން ކުއްޖަކު އަހަރެންގެ ހަޔާތަށް އައީ… އެއީ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ ހިސާބަކީ. އަދިވެސް އެކަމުން ސަލާމަތް ނުވެވިގެން މިއުޅެނީ” މާއިން ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. “ބޭބޭ، ބައެއް ވާހަކަތަކަކީ ދެއްކުމަށް ވުރެ ނުދައްކައި ސިއްރުކޮށްފައި ބޭއްވުން މާ ބުއްދިވެރި ވާހަކަތަކެއް. އެކަމަކު އަހަރެން ޔަގީންކަން ދެން، ބައްޕައާއި ޢާއިލާއާ އޮތް ގުޅުން ރަނގަޅުކުރަން އަހަރެން މަސައްކަތް ކުރާނަން.” މާއިން އެވަރުން ވާހަކަ ނިންމައިލިއެވެ. އޭނާގެ މޫނުމަތީގެ އަސަރުތަކުން، އިތުރަށް މާޒީ ކޮންނަން ބޭނުން ނުވާކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.
އެކަން އާދަމްއަށް ވެސް ވަގުތުން ފަހުމްވިއެވެ. އިތުރު ތަފްޞީލުތައް އޮޅުންފިލުވަން ކިތަންމެ ބޭނުންވި ނަމަވެސް، މާއިންގެ މިޒާޖަށް އައިސްފައިވާ ބަދަލު ފެނިފައި، އިތުރަށް ސުވާލުކޮށް އުނދަގޫ ނުކޮށް އޭނާ އެ ވާހަކަ ދޫކޮށްލިއެވެ.
“ދެން ބޭބެ ބުނަން އުޅުނު ވާހަކަ ކިޔައިދީ. އަހަރެން ބޭނުން ހުރިހާ ކަމެއް ސާފުކޮށް އެނގެން” މާއިން ބުނެލިއެވެ.
ލުއި ހިނިތުންވުމަކާއެކު އާދަމް ބޯޖަހައިލިއެވެ. އަދި އޭނާ ވާހަކަ ފެށީ އަމީރާގެ ވާހަކައިންނެވެ. ހައިކަލްގެ ފަރާތުން އޭނާއަށް އެނގިފައިވާ ހުރިހާ މަޢުލޫމާތެއް ތަރުތީބުން ކިޔައިދޭން ފެށިއެވެ. އަމީރާ ރާއްޖެ އައިސް މަޖުދާއާއި ނަދީމްގެ ގާތުގައި ދިރިއުޅެން ފެށި ގޮތާއި، ހައިކަލްގެ ރެސްޓޯރެންޓުގެ ވަޒީފާއަށް އޭނާ ވަތް ގޮތުގެ ވާހަކައެވެ. އަދި އެންމެ ފުރަތަމަ ފަހަރަށް އަމީރާ ފެނުނު ދުވަހުން ފެށިގެން، ހައިކަލްގެ ހިތުގައި ބަޔާންކުރަން ނޭނގޭ ފަދަ ހާއްސަ، ތަފާތު އިޙްސާސެއް އުފެދިފައިވާ ވާހަކައެވެ.
“އެ އަންހެންކުއްޖާ ފެނުމުން ބައްޕައަށް ކިހިނެއް އިޙްސާސްވި ވާހަކަ ތި ބުނަނީ؟” މާއިން އަހައިލިއެވެ.
މާއިން އެ ސުވާލުގެ ޖަވާބު ހޯދަން ބޭނުންވީ ސަބަބެއް ނެތިއެއް ނޫނެވެ. ވިޝާމްއާއި ޒަންޔާގެ ކައިވެނީގެ ރޭ އޭނާއަށް ވެސް އަމީރާއާ ބައްދަލުވިއެވެ. އެ ނޫން ދުވަހަކު އެ ދެމީހުންގެ ދެމެދުގައި ވާހަކައެއް ދެކެވިފައެއް ނުވެއެވެ. އެހެންނަމަވެސް، އެ އަންހެންކުއްޖާ ފެނުނު ހިނދު އޭނާގެ ހިތަށް ވެސް އެބުނާ ފަދަ ބަޔާންކުރަން ދަތި، އާދަޔާޚިލާފު އިޙްސާސެއް ކުރެވުނެވެ. މާއިން ބަލަން ބޭނުންވީ ހައިކަލްއަށް ވެސް އިޙްސާސް ކުރެވުނީ ހަމަ އެފަދަ ގޮތަކަށްތޯއެވެ.
“ހައިކަލްއަކަށް ވެސް ނޭނގެ ވާގޮތެއް. އަމީރާ ފެންނަ ކޮންމެ ހިނދަކު ހިތަށާއި ސިކުނޑިއަށް ވެރިވަނީ ބުނެދޭން ނޭނގޭ ފަދަ ހިތްދަތިކަމެއް. އޭނާ އަބަދުވެސް ބޭބެ ގާތު ބުނާނެ، އެ ކުއްޖާގެ ސޫރައިން އެކަނިވެސް ކޮންމެވެސް ބޮޑު ކަމެއް އަންގައިދޭން އުޅޭހެން ހީވެޔޭ. ހައިކަލް އެފަދަ ހާލެއްގައި އުޅެނިކޮށް، އާމިލާ ވެސް ހައިކަލް ގާތު ދެއްކީ ހަމަ އެ ވާހަކަ. އަމީރާ ފެނުމުން އޭނާއަށް ވެސް އެފަދަ ތަފާތު އިޙްސާސްތަކެއް ކުރެވޭ ވާހަކަ. ބޭބެގެ ހިތަށް އެރި މިއީ ހަމަ އިއްތިފާޤެއް ބާއޭ، ނުވަތަ ފޮރުވިފައިވާ ކޮންމެވެސް ބޮޑު ހަގީގަތެއް ފާޅުވާން އުޅޭ ކަމުގެ އިޝާރާތެއް ބާއޭ! ދެން-”
އާދަމް ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އޭގެ ފަހުން ކަންތައް ވެގެންދިޔަ ގޮތް ތަފްޞީލުކޮށް ކިޔައިދޭން ފެށިއެވެ. ވިޝާމްއާއި ސަދަފް، އަދި ޔުމާންގެ އުޅުމަށް ކުއްލިއަކަށް އައި ބަދަލުތައް ހައިކަލް އަށް ފާހަގަކުރެވުނު ގޮތާއި، އެމީހުންގެ ޙަރަކާތްތަކަށް ޝައްކުވެގެން ފާރަލާން ފެށި ގޮތުގެ ވާހަކައެވެ. އަދި ހުރިހާ ސިއްރެއް ފަޅާއަރައިގެން ދިޔަ ރޭ، ވިޝާމްގެ ކޮޓަރިން އޭނާގެ ކަންފަތުގައި ޖެހުނު ބިރުވެރި އަދި އެހާމެ އަޖައިބުކުރުވަނިވި ހަގީގަތް އެއްވެސް އުނިއިތުރެއް ނެތި މާއިންއާ ހިއްސާކުރިއެވެ.
“ޑީއެންއޭ ރިޕޯޓާއި ހިސާބުން އެނގުނީ އަމީރާއަކީ ހަމަ އަމާޔާކަން… އޭރު އެކުދިންނަށް ވެސް އޮތީ އެކަމާ މެދު ޝައްކު އުފެދިފަ” އާދަމް މަޑުމައިތިރިކަމާއެކު ބުނެލިއެވެ.
ސީޓަށް ހަށިގަނޑު ދޫކޮށްލެވުނު އިރު، މާއިންގެ މުޅި ހަށިގަނޑުން ހީވީ އެއްކޮށް ވަރުދޫވެގެން ދިޔަ ހެންނެވެ. ދެލޮލުން ހުއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައިރު، އޭނާއަށް އިނދެވުނީ އެ ކަރުނަތައް ފުހެލަން ވެސް ހަނދާން ނެތިފައެވެ. ލިބުނު ޝޮކުގެ ބޮޑުކަމުން މުޅި މީހާ ގަނޑުވިއެވެ.
“ދެން ކީއްވެ މަންމައަށް ނޭންގީ؟ ކީއްވެ އަމީރާ އަދިވެސް ގެއަށް ނުގެނެސް އެ ބަހައްޓަނީ؟ ވީ އޯލް އާރ ވެއިޓިންގް ފޯރ އަވަރ ޕްރިންސެސް” އަމީރާގެ ނަން ހިތަށް އެރުމާއެކު ވެސް މާއިންގެ މޭގައި ގަދައަށް ރިއްސައިގަތެވެ. އަޑުއިވިފައިވާ ގޮތުން އެނުރައްކާތެރި އެކްސިޑެންޓަށްފަހު އަމީރާ އަދިވެސް އޮތީ ހާލަތު ސީރިއަސްވެ އައިސީޔޫގައެވެ.
“މާއިންއަށް އެނގޭތަ އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ކާކުކަން؟ އަދި މި ފަސްގަނޑުން، ޚާއްޞަކޮށް ތިފަދަ ނުފޫޒުގަދަ ޢާއިލާއަކުން އެ އަންހެންކުއްޖާ ވަކިވެ، ރާއްޖެއާއި އެތައް މޭލު ދުރުމިނެއްގައި އޮތް ސްޕެއިންގެ ފަސްގަނޑަށް ގޮސް އުޅެންޖެހުނީ ކިހިނެއްވެގެން ކަން؟” އާދަމް އަހައިލުމުން މާއިން ދެލޯ ފުހެލަމުން އާދަމްގެ މޫނަށް ބަލައިލީ ސުވާލުން ފުރިގެންވާ އަވަސް ނަޒަރަކުންނެވެ.
“މާއިން ތިގާތްކޮށްގެން އުޅޭ ޝާއިރާގެ ޢާއިލާ!”
އާދަމްގެ ޖަވާބުން މާއިންގެ ދެލޯ ބޮޑުވެ، ނޭވާ ވެސް އެތެރެއަށް ހިފަހައްޓައިލެވުނެވެ. އެމީހުންގެ މިޒާޖުގައި މަކަރުވެރިކަމާއި ދެއްކުންތެރިކަން ހުންނަކަން ކޮންމެވެސް ވަރަކަށް ރޭކާލައިފައި އޮތް ނަމަވެސް، މިފަދަ ބޮޑު އަދި ނުބައި ޖަރީމާއެއްގެ ފަހަތުގައި އެމީހުންގެ އަތެއް އޮވެދާނެ ކަމަކަށް މާއިންއަށް އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރެވުނެވެ. ދުލުން ބުނާނެ ބަހެއް ނޭނގި އޭނާ ހުއްޓުން އެރިއެވެ.
“ޤަބޫލުކުރަން އުނދަގޫވެފައި ދޯ ތި އިނީ؟ ވާނީވެސް އެހެން. މާއިންގެ ބައްޕައާއި އެހެން ކުދިން ވެސް އާމިލާ ގާތަށް އަދި މި ޚަބަރާއިގެން ނުގޮސް އެ މަޑުކުރަނީ ހަމަ ތި ސަބަބާ ހުރެ. މާއިންއަށް ވެސް ކުއްލިއަކަށް މިކަން އެނގުނީމަ ތިހުރެވުނީ އެއްފަހަރާ ޤަބޫލުކުރަން ދަތިވެފަ. ދެން ވިސްނާލާ އާމިލާގެ ނަޒަރުން! އެންމެނަށް ވެސް އެނގެއެއްނު ޝާއިރާގެ ހަގީގީ ނުބައިކަން ނޭނގި، އޭނާއަށްޓަކައި މަރުދޭން ވެސް އާމިލާ ފަސްނުޖެހޭނެކަން. ދެން ސާބިތު ހެއްކެއް ނެތި މިފަދަ ވާހަކައެއް ހިފައިގެން ގޮސްފިނަމަ އާމިލާ ކިހިނެއް ޤަބޫލުކުރާނީ؟ ހަގީގަތް ބުނެދޭން ދާ މީހަކު ވާނީ ދޮގުވެރިއަކަށް، އެމީހަކު ދެކެ އޭނާ ރުޅިއަންނާނީ” އާދަމް ކަން ހިނގާފައިވާ ގޮތް ވަރަށް ސާފުކޮށް ކިޔައިދިނެވެ.
އަދި އެވަރުން ނުފުދިގެން، ރެސްޓޯރެންޓުގެ ތެރޭގައި އަމީރާގެ ބޮލުގައި މަންހާ ދޮގު އިލްޒާމެއް އަޅުވައި ބަދުނާމުކުރަން އުޅުނު ގޮތާއި، އެތަނުގެ ސީސީޓީވީ ކެމެރާގެ ފުޓޭޖުން ފެނުނު އަސްލު މަންޒަރުތައް ވެސް އާދަމް ކިޔައިދިނެވެ. އޭގެ އިތުރުން، ޝަރުވާން ލައްވައި ޝާއިރާއާއި މަންހާގެ ކޮޓަރީގައި ސިއްރުން ހަރުކުރެވުނު ވޮއިސް ރެކޯޑިންގް ބަގްސްތަކުގެ ވާހަކައާއި، އޭގެ ޒަރީއާއިން އެމީހުންނަށް ފާރަލެވުނު ހިނދު، އިވުނު ރޭވުންތަކުގެ ހުރިހާ ތަފްޞީލެއް އެއްވެސް އުނިއިތުރެއް ނެތި އާދަމް، މާއިންއަށް ކިޔައިދީ ނިންމައިލިއެވެ.
“މިއީ މިވަގުތައް އިނގުނު ކަންކަން.. މާއިން ގުޅުން ރަނގަޅުކޮށްލާ އެހެން ކުދިންނާ.. އެކުދިންނަށް ހުރިހާ ކަމެއް އެނގޭ.. އެކަމަކު އަދި ހައިކަލް ނުދޭ އެކުދިންގެ ގާތަކަށް.. ހައިކަލް އެބަލަނީ އަމިއްލައަށް ފުރަތަމަ ޝާއިރާގެ އަމަލެއްގެ ހެއްކެއް ފެނޭތޯ.. އަދި އިތުރު ކަމެއް އެނގޭ ގޮތެއް ނުވޭ” އާދަމް ބުންޏެވެ.
އެ ހުރިހާ ކަމެއް އެނގުމުން މާއިންގެ އަނގައިން ބޭރުކޮށްލެވުނީ ހިތްދަތިކަމުގެ ފުން އާހެކެވެ. މިހުރިހާ ދުވަހު، ޔުމާންއާއި ވިޝާމް އަދި ސަދަފްއާއި ހައިކަލް އާއި ނުބާއްވާ ގުޅުން ޝާއިރާމެންނާއި ބޭއްވިއެވެ. އޭރު އެއްވެސް ޙަގީގަތެއް ނޭނގެއެވެ. ޝާއިރާ އެފަދަ ލާއިންސާނީ ކަމެއް ކޮށްފާނެ ކަމަކަށް އޭނާ ހިތަށްވެސް އަރުވާފައެއް ނެތެވެ.
ހަގީގަތުގައި އޭނާ ޝާއިރާގެ ޢާއިލާއާ އެހާ ގާތްވީ ޔުމާންއާއި ވިޝާމްއަށް ޖެއްސުމަށެވެ. އެ ނޫން އެހެން އެއްވެސް ސަބަބެއް ނެތެވެ. އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ދުވަސްވަރު، އެމީހުން ކެނޑިނޭޅި ކުރަމުން ދިޔަ ސުވާލުތަކަށާއި ފާޅުކުރަމުން ދިޔަ ހިތްހަމަނުޖެހުންތަކަށް ދިން ރައްދެއްގެ ގޮތުގައެވެ. ޝާއިރާގެ ޢާއިލާއާ ގުޅުން ބަދަހިކުރި ފަހުން، އެމީހުން އޭނާގެ ގާތަށް އައިސް ވާހަކަ ދެއްކުން މަދުކުރިއެވެ. އެއީ އޭރު އޭނާ ބޭނުންވި ގޮތެވެ. މާއިން މިހުރިހާ ދުވަހު ދެކުނީ އެއީ އަމިއްލަ ސިކުނޑިއަށް ލިބުނު ފަސޭހައެއް އަދި ކާމިޔާބީއެއްގެ ގޮތުގައެވެ. ނަމަވެސް މިވީ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެނގުނު ކަޅު ސިއްރުތަކުން، މުޅި ނަފުސަށް އިންތިހާއަށް އުނދަގޫވެ، ކުށްވެރިކަމުގެ އިޙްސާސުން ހިތް ފިސްފިސްވާން ފަށައިފިއެވެ.
“އެންމެ ރަނގަޅު، ތިއިން އެއްވެސް ވާހަކައެއް އަހަރެންނަށް ކިޔައިދިން ކަމަށް ބައްޕަ ކައިރީގަ ނުބުނާތި.. ތިކަމާ އެބައުޅެން.. އަހަރެންނަށް އެހީ ވާނަން ދޯ؟” މާއިން އަހާލިއެވެ.
އިރުކޮޅަކު ވިސްނާލުމަށް އިނދެފައި ހިނިތުންވުމަކާއި އެކު އާދަމް ބޯޖަހައިލިއެވެ. މާއިން އާއި ވާހަކަ ދައްކާލުމަށް މަޑުކޮށްފައި އާދަމް ވެސް ކާރުން ފައިބައިގެން ދިޔައީ ޝަރުވާން ގުޅަން ފެށުމުންނެވެ. މާއިން އެގޮތުގައި އިރުގަނޑެއް ވަންދެން ވިސްނުމުގައި އިނެވެ. އެތައް އިރަކު ކަރުނައަޅާ ރުޔެވެ. ހަމަޖެހިލެވުނީ އެތައް ހިތްވަރަކުންނެވެ. އޭނާ ވެސް ގެއަށް ދާން އުޅެފައި ފޯނު މަތިން ހަނދާން ވެގެން ނެގިއެވެ.
“ކޮން ކަމެއްބާ ޖިނާންއާއި ރަވީހު އެ ސިއްރު ކުރަނީ؟” ފޯނު ހުޅުވަމުން، އަމިއްލަ ނަފުސަށް އިވޭވަރަށް މަޑުމަޑުން މާއިން ބުނެލިއެވެ.
އެރޭ އެމީހުންނާ އެކު އުޅެފައި މާއިން އެތަނުން އައީ ގަސްތުގައި އެ ފޯނު އެމީހުންގެ ކައިރީގައި ބާއްވާފައެވެ. އެ ދެމީހުންގެ އުޅުން ހުރި ގޮތާއި ލޮލުން ކުރި އިޝާރާތްތަކާއި އަދި ވާހަކަ ދެއްކި ގޮތުން މާއިންއަށް ބޮޑެތި ޝައްކުތަކެއް ވީއެވެ. ސީދާ އެ ދެމީހުންގެ ގާތުގައި އަހައިގެން ތެދު ޖަވާބެއް ލިބޭނެ ކަމަށް އުއްމީދު ނުކުރެވޭތީ، އޭނާ އެގޮތަށް އަހާކަށް ގަސްތެއް ވެސް ނުކުރިއެވެ. ފޯނު އޮންވެގެން ދިޔަ އަޑާއެކު، އޭނާ އަވަސް އަވަހަށް އޯޑިއޯ ރެކޯޑިންގް އެޕް ހުޅުވައިލިއެވެ. އަދި އެންމެ ފަހުން ރެކޯޑުވެފައި އިން އޯޑިއޯ ފައިލް ޖައްސައިލަމުން ކަނުލައި އަޑުއަހަން ފެށިއެވެ.
އެވަގުތު އޯޑިއޯއިން އިވިގެންދިޔައީ ޖިނާންއާއި ރަވީހުގެ ވާހަކަތަކެވެ. އެ ވާހަކަތައް ސާފުވަމުން ދިޔަވަރަކަށް މާއިންގެ މޫނުމަތީގެ ކުލަވަރު ފަނޑުވެ، މުޅި މީހާ ހުދުވެގެން ދިޔައެވެ. ޖިނާންގެ ކޮންމެ ޖުމްލައަކުން ފާޅުވަމުން ދިޔައީ ވިހަގަދަ މަލާމާތާއި ފުރައްސާރައެވެ. އޭނާއާ އެއްބައިވެގެން ރަވީހު ވާހަކަ ދައްކަމުން ދިޔައިރު، މިހާ ދުވަސް ވަންދެން އެކުގައި އުޅުނު އެކުވެރިކަމަށްޓަކައި ވެސް އޭނާގެ ހިތަށް އެއްވެސް އެއްޗެއް ނާރަނީ ބާއެވެ؟ އެހާ ބޮޑު ޙަގީގަތެއް މާއިންއަށް ރަވީހު ސިއްރުކުރިއިރު، މާއިންގެ މުޅި ދިރިއުޅުން ބަރުބާދުވެގެން ދިޔައީ ކޮން ސަބަބަކާއި ހުރެކަން އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެ ރަވީހަށެވެ.
އެވަގުތު، އެފަދަ ނުބައި އެކުވެރިންނާ ގުޅުން ކަނޑައިލުމަށް އެދި އާމިލާއާއި ހައިކަލް، އަދި ޔުމާންއާއި ވިޝާމް ކުރި އާދޭސްތައް ދެއްކި ހަނދާންވެ، މާއިންގެ ދެލޯ ފެންކަޅިވިއެވެ. ހިތުތެރޭގައި އެނބުރެމުން ދިޔަ ހުރިހާ ޖަޒުބާތުތަކާއި ހިތާމަތައް، ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ދިޔައީ ކެކިއަރަމުން ދިޔަ އަލިފާން ފަދަ ގަދަފަދަ ރުޅިވެރިކަމަކަށެވެ.
“އަމިއްލަ އާއިލާއާއި ހެޔޮއެދުނު މީހުންނާ ގުޅުން ކަނޑާލާ، މިހުރިހާ ދުވަހު އަހަންނަށް މި ދުވެވުނީ އަހަރެން ހަލާކުކޮށްލަން އުޅުނު ކެހިވެރިންގެ ފަހަތުން! އަހަރެން ދެކެ ކުޑަކޮށް ވެސް ޔަނާލް ލޯބިވި ނަމަ، އަމިއްލަ ޢާއިލާގެ އެ ސިއްރެއް ނުފޮރުވާނެ. ރަވީހަކީ ޔަނާލްގެ ޢާއިލާގެ މީހެއް… އެހެންވީމަ އޭނާއަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެނގޭނެ އިޔާންއާއި ޔަނާލްގެ ކައިވެނި އޮތީ ހަމަޖެހިފައިކަން! އެނގިހުރެ އަހަންނަށް އެ ދިނީ ބޮޑު ކެއްސެއް… އެހެންނު! ދެން ޖިނާން، ކަލޭ މަރުވާނީ މަގޭ ދެއަތުން! އެކަމަކު ކަލެއާއި ހަމައަށް ދިއުމުގެ ކުރިން ރަވީހްގެ ދުވަސް ދުއްވާލާނަން!” ކޮންމެ ބަހެއް ބުނަމުން ދިޔައިރު އޭނާގެ ދެލޮލުން ހީވީ ކަނިބުރަމުން ދިޔަހެންނެވެ. މުޅި މޫނުމަތީގައި ވަނީ އެތެރެހަށީގައި އުފެދިފައިވާ ރުޅިވެރިކަމުގެ ރަތްކަމެވެ. ހުންގާނަށް ބާރުކޮށްލަން ބާރު ދުވެލީގައި މާއިން ކާރު ދުއްވާލީ މުޅިން އާ އަޒުމެއް ހިތުގައި އާކޮށްލަމުންނެވެ.
****
ޒަންޔާ ކާކޮޓަރިއަށް ވަތްއިރު، އާމިލާއާއި ވިޝާމް ވާހަކަދައްކާ އަޑު އިވެމުން ދިޔައެވެ. އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ވެސް ފެނުނު މަންޒަރުން އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވިޝާމް ހުރީ އުނދުން ކައިރީގައެވެ. ލައިގެން ހުރި ކަޅު ޓީޝާޓާއި ނޭފަތުގެ ކުރީގައި ވެސް ހުރީ ފުށެވެ. ކޭކު އަޅަންވެގެން ބިސްތަކާއި ފުށް އެއްކޮށް ގިރަން ހަދައިގެން މުޅި ކައުންޓަރު މަތީގައި ވެސް ވަނީ ފުށެވެ. ތަށީގައި ހުރި ސާމާނު މާ ބާރަށް ގިރަން ހަދައިގެން އަތުގައި ވެސް ކޭކު ފުށްތައް ހޭކިފައި ހުއްޓެވެ. ވިޝާމް އެ ކުރާ ‘ބޮޑު ހަނގުރާމަ’ ބަލަން މޭޒު ދޮށުގައި އިން ސަދަފް ދިޔައީ ހެމުންނެވެ.
“ދަރިފުޅާ، ތި ތަށި މަންމަ އަތަށް ދީފައި ގޮސް ސައިބޯން އިށީނދެބަލަ! މުޅި ތަން ފުށްގަނޑަކަށް ހަދައިފި” އާމިލާ ހެމުން ހެމުން ބުނެފިއެވެ. އޭނާ އޭރު ދިޔައީ ތައްޓަކަށް މޭވާ ކޮށަމުންނެވެ.
“މީ ކޮންފަދަ ކަމެއް؟” ވިޝާމް ކައިރިއަށް ހުއްޓިފައި ހައިރާންވެފައި ހުރެ ޒަންޔާ އަހައިލިއެވެ.
“މަޝްހޫރު ޝެފް ވިޝާމްގެ ސްޕެޝަލް ކޭކެއް އަޅައިދެނީނު ޒަންއަށް! ބަލާބަލަ މީހާ ހީވަނީ ފުށް ގޯންޏަކަށް ވެއްޓިފައި އޮތް ބުޅަލެއްހެން!” ސަދަފް އަނެއްކާވެސް ބާރަށް ހޭން ފެށިއެވެ. އާމިލާ ވެސް ދިޔައީ އޭނާއާއި ބައިވެރިވެ ހެމުންނެވެ.
“އެކަމަކު މިއޮތް ފަދަ ހުކުރު ދުވަހު، އެވެސް އެހާ ހެނދުނާ ހާދަ ވަރެއް ތި ކޮށްލީ؟ ދީ އަހަރެން އަތަށް” ހިނި އައިސްފައި ހުރެ ވިޝާމްގެ އަތުން ތަށި އަތުލަން ޒަންޔާ އުޅުނެވެ.
“ނޯ ނޯ! މިއީ އަހަރެންގެ ވައިފީއަށް އަހަރެންގެ އަމިއްލަ އަތުން ތައްޔާރުކުރާ އެއްޗެއް. ޒަން ދޭ އަވަހަށް އިށީންނަން،” ޒަންޔާއަށް އެއްލޯ މަރައިލަމުން ފުށް ހޭކިފައިވާ އަތުން އޭނާ ދުރަށް ޖައްސައިލަން ވިޝާމް އުޅުނެވެ.
“އެބުނާހެން ޒަން އޭގަ އަތް ލާނެ ކަމެއް ނެތް.. މި ފުރުޓު ކޮޅު ކާލަބާ… ގެނޭ މަންމައަތައް” ޒަންޔާ އަތުގައި ހިފަ ގެނެސް މޭޒު ކައިރީގައި ބެއިންދިއެވެ. އަދި އޭނާ ކޮށްފައި ހުރި މޭވާތައްޓާއި ޖޫސް ތައްޓެއް ކައިރިކޮށްލަމުން ގޮސް ވިޝާމްގެ އަތުން އޭނާ ގެންގުޅުނު ސާމާނު އަތުލާ އެމަސައްކަތާއި ހަވާލުވިއެވެ.
“މިއަދު ހޮޑު ލެވުނުތަ؟” އާމިލާ އަހާލިއެވެ. މަންހާގެ ސަބަބުން އުފެދުނު ހިތްބަރުކަމަށްފަހު، ޒަންޔާ މާބަނޑުކަން އެނގުނު ފަހުން އާމިލާ އޭނާއާ މެދު އަނެއްކާވެސް ކުރީގެ ގާތްކަން ބަހައްޓައެވެ. ނަމަވެސް، އެއީ މަންހާގެ ނުބައި ރޭވުމެއްކަން އަދިވެސް އާމިލާއަށް ސާފުވެފައި ނުވާތީ، އެކަމުގެ ކޮންމެވެސް އަސަރެއް އާމިލާގެ ހިތުގައި އޮންނާނެކަން ޒަންޔާއަށް އެނގެއެވެ. އެކަމާ ހިތަށް އުނދަގޫވާ ކޮންމެ ފަހަރަކު ވިޝާމްގެ ކުރިމަތީގައި ޒަންޔާއަށް ރޮވެއެވެ. ނަމަވެސް ވިޝާމްގެ ފަރާތުން ލިބޭ އިންތިހާ އަޅާލުމާއި، ލޯބިވެތި ބަސްތަކުން ހިތާމަތަކަށް އަބަދުވެސް ފިނިކަން ގެނެސްދެއެވެ.
ޒަންޔާ ލުއި ހިނިތުންވުމަކާއެކު އާމިލާއަށް ބޯޖަހައިލިއެވެ. ބަނޑަށް ތިންމަސް ވެގެން ދިޔައިރު، މިހާރު އޭނާގެ ހަށިގަނޑުން އެ ބަދަލުތައް ކޮންމެވެސް ވަރަކަށް ފެންނަން ފަށައިފިއެވެ. ބަނޑުން ކޮންމެވެސް ވަރަކަށް އެނގެއެވެ.
“އޭ، ރޭގަ ޝެޑީ މާ ލަހުން އައީމަ ބައްޕައާއި ދިމާވާ ގޮތެއް ނުވި އެންނު، މިއަދު ދެކުނިންތަ؟” ސަދަފް އާއި ކައިރިވެލަމުން ވިޝާމް ވާހަކަ ދެއްކީ ހަމައެކަނި ސަދަފްއަށް އިވޭވަރަށެވެ.
“ނޫނޭ، ދެންމެ މަންމަ ކައިރީގަ ވެސް އެހިން.. މިސްކިތައް ދިޔަގޮތައް އަދި ނާދެޔޯ.. ކޮންމެވެސް ރަނގަޅު ވަގުތެއް ބަލާފަ ބައްޕަ މަޑުކުރުވާފަ އެބަޖެހޭ ސުވާލު ކުރަން” ސަދަފް ވެސް ވާހަކަ ދެއްކީ އެހާ މަޑުންނެވެ. ވިޝާމް ބޯޖަހާލާފައި ގޮސް ޒަންޔާގެ މަގަތުގައި އިށީންދެއްޖެއެވެ.
“މަންމާ، ރޭގަ ޒަން މެން ގެއަށް ކާން ދިޔަތަނާ ދައުވަތު ދީފަ އިނީ މާދަމާ ރޭ މިގޭ ހުރިހާ އެންމެންނަށް ކެއުމަކަށް.. ޒަންމެންގެ ގެއިން” ވިޝާމް ކުއްލިއަކަށް ހަނދާން ވެގެން ބުނެލިއެވެ. އެއާއި އެކު އާމިލާގެ މޫނު އަލިވެގެން ދިޔައެވެ.
“އެހެންތަ މާ ރަނގަޅަކަށްނު މިދިމާވި..ބައްޕަ ވެސް މޫޑު ގޯސްވެފަ ހުރިއިރު ހުރިހާ ކުދީން އެއްތަން ވެލަން ވަރަށް ރަނގަޅުކަމެއް މިއީ” އާމިލާގެ އަޑުގައިވާ ޖޯޝުން ޒަންޔާއަށް ވެސް ހީލެވުނެވެ. އެމީހުންނަށް އިތުރަށް އެއްޗެއް ނުބުނެވެނީސް ކާކޮޓަރީގެ އެތެރެއަށް ވަދެގެން އައި މާއިން ފެނި އާމިލާ ފިޔަވައި އެހެން މީހުން ހިމޭންވިއެވެ.
އެހެން ދުވަސްދުވަހާ މުޅިން ޚިލާފަށް، މާއިންގެ މޫނުމަތިން ފެންނަން ހުރި ތާޒާކަމާއި އަލިކަމުން ވިޝާމްއާއި ސަދަފްއަށް ތިބެވުނީ އަނގަ ހުޅުވިފައެވެ. އެ ދެމީހުން ބަލަހައްޓައިގެން ތިއްބާ، މާއިން ގޮސް ގޮނޑިއެއް ދަމައިލުމަށްފަހު މޭޒުދޮށުގައި އިށީނދެއްޖެއެވެ. އެއީވެސް ސީދާ ސަދަފްގެ ޖެހިގެން އިން ގޮނޑީގައެވެ. އާންމުކޮށް އެހެން އެންމެންނަށް ވުރެ ބޮޑަށް މާއިން ނުރުހުންތެރިކަން ދައްކަނީ ސަދަފްއާ މެދުގައެވެ. އެހެންކަމުން ޖެހިލުންވެފައި އިން ސަދަފް ވަގުތުން ވިޝާމްގެ މޫނަށް ބަލައިލަމުން ނިތް އަރުވައިލިއެވެ. ވިޝާމް ވެސް ޙައިރާންވެފައި ދެކޮނޑު އަރުވައިލީ ވާނުވާ ނޭނގޭ ފަދަ ގޮތަކަށެވެ.
“ދަރިފުޅާ، މިއަދު ހާދަ އަވަހަކަށް ތި ހޭލީ؟ އަނެއްކާ ރަނގަޅުތަ؟ ބަލީތަ؟” އެހާ ހެނދުނާ މާއިން ފެނުމުން އާމިލާއަށް ވެސް އަހާނުލާ ނުހުރެވުނެވެ. އޭނާ ގެ ނިތުގައި އަތް ޖައްސާލަމުން އާމިލާ ސުވާލުތައް ތަކުރާރް ކޮށްލިއެވެ.
“ނޫނޭ މަންމާ، ބައްޔެއް ނޫން…” ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވަމުން މާއިން މަޑުމައިތިރިކަމާއެކު ޖަވާބު ދިނެވެ.
އެ ހިނިތުންވުން ފެނިފައި މުޅި މާޙައުލަށް ވެރިވެފައި އޮތް ޙައިރާންކަން ދެގުނަވިއެވެ. މާއިންއާ ވާހަކަ ދައްކަން ކިތަންމެ ބޭނުންވި ނަމަވެސް، ލިބުނު ސިހުމުގެ ބޮޑުކަމުން ދެން ބުނާނެ އެއްޗެއް އާމިލާއަކަށް ވެސް ނޭނގުނެވެ.
“ހާދަ ސުވާލެއް ތި ކުރަނީ އާމިލާ ވެސް… މާއިން އެ އައީ ފަތިސް ނަމާދު ކޮށްގެން މިސްކިތުންނޭ” ކާކޮޓަރީގެ ދޮރުން އެތެރެއަށް ވަދެގެން އައި ހައިކަލް ހިނިތުންވެލަމުން ބުނެލިއެވެ.
އެ އަޑަށް، ތުމުގައި ކޮފީ ޖޯޑު ޖަހައިގެން އިން ވިޝާމް ކޮށިއަރައިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލައިގެން ސަދަފްއަށް ވެސް އިނދެވުނީ ގަބޫލުކުރަން ދަތިވެފައެވެ. އާމިލާގެ ހާލަތު އަދި މާ ބޮޑެވެ.
“މާއިން؟ މިސްކިތައް؟ މިސް..ކި..ތައް؟” ލަސްލަހުން ކޮންމެ ލަފްޒެއް ބުނެލިއިރު އާމިލާގެ ދެލޯ ވިދައިގަތީ އުފަލުންނެވެ. އޭނާ ފެންކަޅިވި މަންޒަރު ފެނި ހައިކަލް ދެފަރާތައް ބޯހޫރުވާލީ،މާއިން ހުއްޓާ ނުރޯށޭ ބުނާފަދައަކުނެވެ. ރޮވިދާނެދާނެތީ ތުންފަތުގައި ދައިގަންނަމުން ކަރުނަތައް ހިންދާލިއެވެ. އަދި މާއިންއާއި ވީ ފަރާތައް އެނބުރުނީ ރީތި ހިނިތުންވުމަކާއި އެކުގައެވެ.
“މަންމަ ވަރަށް އުފާ..އުފާވެއްޖެ” ހިނިތުންވެލީ ނަމަވެސް ވާހަކަ ދައްކަ ދައްކާހުއްޓާ އާމިލާގެ އަޑު ކުރެހުނެވެ. މާއިންގެ ބޮލުގައި ފިރުމާލަމުން އޭނާ މިސްރާބު ޖެހީ އަވަނާއި ދިމާލަށެވެ. ދަމުން ލޮލުން ފޭދުނު ކަރުނަތައް ފުހެލިއެވެ.
“މިއޮތީ ޒަންއަށް ވިޝާމް އެޅި ކޭކު.. ވަރަށް މީރުވަސް ދުވާލާ އެބަ” އާމިލާ އެ ކޭކު ތައްޓަކަށް ލައިގެން ގެނެސް މޭޒުމަތީގައި ބެއިންދިއެވެ.
ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ސަދަފް ނަގައި ބަލައިލިއިރު ގުޅަނީ އިޔާންއެވެ. އޭނާގެ ކައިރީގައި އިން މާއިންއަށް ފަރުވާތެރިކަމާއެކު ހަނި ނަޒަރެއް ދެވުނީ، އިޔާން އެ ގުޅަނީ ކޮން ކަމަކާ ގުޅިގެންކަން ރަނގަޅަށް އެނގޭތީއެވެ. ނަމަވެސް މާއިން އިނީ އަމިއްލަ ފޯނަށް ބަލަހައްޓައިގެން އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. އަނެއްކޮޅުން އާމިލާއާއި ހައިކަލް ވެސް ތިބީ ވިޝާމްއާއި ޒަންޔާއާ ވާހަކައެއްގައި ބައިވެރިވެގެންނެވެ. އެހެންކަމުން ހަމަޖެހިލާފައި ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ.
“ކީކޭ ބްރޯ؟ އެ ރަވީހުގެ ހަބަރެއް ވީތަ؟ އިތުރު ހެއްކެއް ލިބިއްޖެތަ؟” ސަދަފް އަޑު މަޑުކޮށްލަމުން ވާހަކަ ދެއްކީ ކިރިޔާ ފޯނުން އަނެއްކޮޅަށް އިވޭނޭހާ ސިއްރުންނެވެ.
“އާނ! ރަވީހްގެ އެޑްރެސް އެނގިއްޖެ. އެވަގުތުން ފެށިގެން އޮފިސަރުން އެ ސަރަޙައްދަށް ފޮނުވައިގެން މިއުޅެނީ. އަދި އެކަމަކު އެއްވެސް ހިލަމެއް ނުވޭ. އެ ގޭގެ ވެރިމީހާ ބުނި ގޮތުގައި ރަވީހު އެ ހިސާބުން ނުފެންނަތާ މިހާރު ހަފުތާއެއް ވެއްޖެ. އަދި އެނގޭތަ، މިބުނާ އެގޭގެ ވެރިމީހާ މަށަށް ވަރަށް ގިނަ ހެކި ދީފި. އެ ބިލްޑިންގްއަކީ ވަރަށް ކުޑަކުދީން ދިރިއުޅޭ ތަނެއްކަމުން، ރަވީހުމެން ގޭންގުގަނޑު ގޮވައިގެން އުޅޭތީ، އިމާރާތުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ ވާހަކަ ބުނި. ވަރަށް ގިނަ ކެމެރާތައް ހުރި. ފުޓޭޖުތައް ލިބިފައި ހުރީ ކުރިމަތީގައި އޮންނަ ގޯޅީގައި އެމީހުން ބޯން ތިއްބާވެސް. ދެން އަދި މަށަށް ޔަޤީންވަނީ އޭނާ ރާއްޖެއިން ބޭރަށް ވެސް ނުފުރާކަން. ހުރިހާ ބޭންކް އެކައުންޓެއް ވެސް ފްރީޒްކޮށްފަ ވާނީ. މިހާރު މިވަރުން ރަވީހްއަށް ވެސް އެނގޭނެ ހޯދާކަން. ރޭގަ ވެސް ގެއަށް ނުގޮސް މިކަމުގަ މިއުޅުނީ” އިޔާން ތަފްޞީލުކޮށް ކިޔައިދިނެވެ.
“އާހްހް، ދެން ކިރިޔާ މި ހަމަޖެހިލައިގެން ނޭވާއެއް ލެވުނީ. އެ ނުދަންނަ މީހަކު އިރޫއަށް ގުޅައި އިންޒާރުދޭ ވާހަކަ ބުނި ދުވަހުން ފެށިގެން މަށަށް ރަނގަޅަށް ހަމަނިދި ވެސް ނުލިބޭ. ދެން އެންމެންނަށް ވެސް ސާފުވެއްޖެއެއްނު އިރޫގެ ފޯނު އޮތީ ރަވީހުގެ އަތުގައިކަން” ސަދަފް ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތިން ފެނުނީ ބޮޑު ތަސައްލީއެކެވެ. އިޔާން ވެސް އެ ވާހަކަތަކަށް ތާއީދުކުރިއެވެ.ދެމީހުން މާ ގިނައިރު ވާހަކަ ދައްކާކަށް ނުހަދައެވެ. އިޔާންއަށް ދާން ޖެހިގެން ދިޔުމުން ފޯނު ކުރުކޮށްލަން ޖެހުނީއެވެ.
“މަންމާ ނިމުނީއޭ.. ތިކަހަލަ ކޭކެއް އަދި މަށައް ވެސް އަޅާ ދޭންވާނެ” ސަދަފް ގޮނޑި ތެދުވެ، ދަމުން ދިޔައީ ވިޝާމްއާއި ދިމާކޮށްލާފައެވެ. އޭރު އެންމެންގެ ހުނުމުގެ އަޑު އިވުނެވެ.
އޭގެ އިރުކޮޅެއް ފަހުން މާއިން ވެސް ތެދުވިއެވެ. އޭނާ ނުކުމެގެން އައީ ފޯނު ކަންފަތުގައި ޖަހައިގެން ހުރެއެވެ. އެހެންކަމުން އާމިލާއާއި ހައިކަލްގެ ސުވާލެއް އަމާޒެއް ނުވެއެވެ. މާއިން ހިނދުކޮޅަކަށް ވެސް ގޭގައި މަޑުނުކޮށް ނުކުމެގެން ގޮސް އެރީ އޭނާގެ ކާރަށެވެ. ސަދަފް ދެއްކި ވާހަކަ އޭނާގެ ތޫނު ކަންފަތައް އިވުނީއެވެ. ފޯނުގެ އަނެއްކޮޅުން ދެއްކި ވާހަކަ ނީވުނު ނަމަވެސް ސަދަފްގެ ވާހަކައިން އެކަނިވެސް ވެގެން އުޅޭގޮތް ފަހްމްވިއެވެ
“ހަލޯ، ބޭބޭ ކަމެއް ކޮށްދޭން އެބަޖެހޭ” މާއިން ގުޅާތާ މިނެޓެއް ފަހުން އާދަމް ފޯނު ނެގިއެވެ. އޭނާ އަވަސް އަވަހަށް ކިހިނެތް ވީތޯ ސުވާލު ކުރިއެވެ.
“މްމްމް،އެބަދަން ގެއަކަށް.. އެތަނަށް ގޮސްފަ އަހަރެން ގުޅީމަ ފޯނު ނަގަންވީ.. ދެން އެގަޑީގަ ބުނާނަން ކުރަންވީ ކަންތައް.. ތައްޔާރަށް ހުންނާތި!” މާއިން ބުނެލިއެވެ. އެހިނދު އާދަމް ވަގުތުން އެކަމާއި އެއްބަސްވިއެވެ. އިތުރު ސުވާލެއް ވެސް ނުކުރެއެވެ.
ފޯނު ބޭއްވުމަށްފަހު، އޭނާ ނެގީ އިރަމްގެ ފޯނެވެ. ރޭގެ ވަގުތެއްގައި އޭނާ ވަނީ އޭގައި އިން އިރަމްގެ ފޮޓޯ ފުހެލާފައެވެ. ނަމަވެސް އެއްވެސް މެސެޖެއް ނުފުހެ، ހުރި ގޮތަށް ބެހެއްޓިއެވެ. މާއިންގެ ތުންފަތުގައި ދުވެލީ ސިއްރުވެރި ހިނިތުންވުމެކެވެ. ބާރު ސްޕީޑުގައި ކާރު ދުއްވައިލި ގޮތަށް އޭނާ ދިޔައީ ރަވީހު ހުންނާނެކަން ޔަޤީންވާ މާހައުލަށެވެ. އެމީހުންގެ ސިއްރު މައިދާނަށެވެ. އެ ހިސާބާ ފުދޭވަރަކަށް ދުރުގައި ކާރު ޕާކުކޮށްލުމަށްފަހު، މާއިން ދެން ދަތުރު ފެށީ ފައިމަގުގައެވެ. އެއީ އޭނާއަށް ހިތުދަސް ހިސާބެއްކަމުން، ކެމެރާ ހުންނާނީ ކޮން ތަންތާކުކަން ނުހަނު ރަނގަޅަށް ދަނެއެވެ. އެއްވެސް ކެމެރާއަކަށް ނާރާނެހެން މާއިންއަށް ދާން ޖެހުނީ ނުހަނު ދުރު ރާސްތާއެއް ކަޑައްތުކޮށްފައި ކަމުން، އެތަނަށް ވާސިލްވިއިރު އޭނާ ހުރީ ވަރުބަލިވެފައެވެ.
އެ ގޭގެ ސިޑިތައް ގިރާކޮށްލާފައި އެމީހުންގެ ޕާޓީ ކުރާ މައިދާނަށް މާއިން ވަނެވެ. އެވަގުތުވެސް ކަންފަތުގައި ހަރުލައިގެން ދިޔައީ ތޫނު މިއުޒިކުގެ އަޑެވެ. އަދި ދެ ޖިންސްގެ ޒުވާނުންގެ ސަކަރާތާއި ހުނުމުގެ އަޑެވެ. ނޭފަތުގައި އައިސް ޖެހުނީ ރަލާއި މަސްތުވާތަކެތީގެ ހުތް ވަހެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު އެކަމުން މާއިންއަށް ކުރުވީ ބުނެދޭން ދަތި އުނދަގޫލެކެވެ. ހިތާއި ސިކުނޑިން ވަގުތުން އިންޒާރު ކުރަންފެށީ އޭނާ ކުރަން އައި ކަންތައް ކުރުމަށްފަހު ސިކުންތެއް ވެސް ލަސްނުކޮށް އެ މަންޒިލުން ބޭރުވާށެވެ. މާ ގިނައިރު ހޯދާކަށް ނުޖެހުނެވެ. ރަވީހު އިނީ އާދައިގެ މަތިން އޭނާ ގިނައިން އިންނަ މޭޒުގައެވެ. ރަވީހުގެ ސޫރަ ފެނުމާއެކު ވެސް މާއިންގެ ލޭ ކައްކުވައިލިއެވެ. އެހެނަސް، އަމިއްލަ ހިތަށް ބަދަލުހިފުމުގެ ބޭނުން އިޙްސާސްކޮށްލަ ދެމުން، އޭނާ ރަވީހާ ދިމާއަށް ހިނގައިގަތެވެ.
“ކަލޭ މިތާތަ؟ ތި ގެއަށް ގޮސް މިއައީ، ކޮންތާކު ތި އުޅެނީ؟” ރަވީހުގެ ގާތަށް ހުއްޓި މާއިން ފުރަތަމަ ވެސް ސުވާލުކޮށްލިއެވެ. ރަވީހުގެ މޫނުމަތިން ފެނުނު ހާސްކަމާއި، ލޮލުން ފާޅުވަމުން ދިޔަ ބިރުވެރިކަން ފެނި މާއިންގެ ހިތް ހަމަޖެހުނެވެ. މާއިން ދިޔައީ އެތެރެއިން ހެމުންނެވެ. އޭނާގެ ހިތުގައި ރަވީހްއާއި މެދު އުފެދިފައިވާ ރުޅިވެރިކަން އެތެރޭގައި ފޮރުވައި، ރަވީހުގެ ދޮގެއް ހަދައިލަން އެއްވެސް ވަރަކަށް ފަހެއް ނުޖެހުނެވެ.
“އޭންން؟ އަހަރެންގެ ގެއޭ؟ ކަލޭ ނުދެކެންތަ ފުލުހުންނެއް؟ އެމީހުންނަށް މަގޭ އަނެއްކަ ބަސްޓުވެގެން މިއުޅެނީ؟ ބަލ*** މީ ވެސް” ރަވީހްގެ އަޑުން އެކަނިވެސް އޭނާ ހާސްވެފައި ހުރިވަރު ދޭހަވެއެވެ.
“ކީކޭ؟ އެ ކިހިނެތް ކަލޭ ތިއޮތް ފޮރުވިގެން އުޅޭ މީހާ އެ ބަސްޓުވީ.. ހިނގާބަލަ މިގޭގެ އެންމެ މައްޗަށް.. ތަންކޮޅެއް ހަމަހިމޭންވާނެ.. އަޑުގަދަކަމުން މިތާކު ނުދެއްކޭނެ ވާހަކައެއް.. ސާފުވާހެން ކިޔާދީބަލަ. ” މާއިން ބެލީ އޭނާއާއި ވާހަކަ އަޅުވާލެވޭ ގޮތެއް ވޭތޯއެވެ. އޭނާގެ ނަސީބު ވެސް ރަނގަޅެވެ. ނުހަނު ފަސޭހައިން ރަވީހު އެއްބަސްވެ، ހާސްކަމާއެކު ގޮނޑިން ތެދުވެއްޖެއެވެ. ނުކުތީ ވެސް ރާފުޅިއެއް ހިފައިގެންނެވެ. ތުމުގައި ޖަހައިގެން އެ ބޮމުން ރަވީހު ވާހަކަ ދައްކަން ފެށިއެވެ. އެވަގުތަށް ބަލާފައި މާއިން ނެގީ އިރަމްގެ ފޯނެވެ. މަސްތުގެ ދުނިޔޭގައި ހުރި ރަވީހަށް، މަޑުމަޑުން އެ ފޯނު އޭނާގެ ޖީބުގެ ތެރެއަށް މާއިން ލީ ކަމެއް ވެސް ނޭނގުނެވެ. ކުރަން ބޭނުންވި ކަންތައް ކާމިޔާބުކަމާއެކު ކުރެވުމުން، މާއިން އެތަނުގައި އިތުރަށް ހުންނާކަށް ގަސްތެއް ނުކުރިއެވެ. އެހެނަސް، ފުލުހުން އައުމުގެ ކުރިން ރަވީހު އެތަނުން ފިލާފާނެތީ، އެކަމާ މެދު ވެސް ވިސްނާލެވުނެވެ.
“ވީގޮތަކީ އަހަރެން މިއުޅޭ ގެއަށް ކުލި ނުދެއްކޭތާ ހަތަރު މަސް ވެއްޖެ. މަ ބައްޕައަށް ބަލާފައި އެމީހާ ކެތްކޮށްގެން ހުރީ. އެންމެފަހުން ބޮލަށް އުނދަގޫކުރަން ފަށައިފި. މަ ދެން ނޫޅެންދޯ އެކަމަކާ! މަ ފެންނައިރަށް ޝަކުވާކުރާ ވަރުން ގެއަށް ނުވަދެ އުޅޭތާ ވެސް ދެ ތިން ދުވަސް ވެއްޖެ. ދެން ރޭގަ ގުޅާފައި ބުނީ ދެން އޮންނާށޯ ޖަލުގަ! ތިމަންނަ ފުލުހުންނަށް ދީފީމޯ ރާބޯން ތިއްބާ ކެމެރާއަށް އަރާފައި ހުރި މަންޒަރުތައް. އެމީހުން އެބައުޅޭޔޯ މިހާރު ވެސް މިގޭ ދަށުގަ” ރަވީހު އޮޅުންބޮޅުންވެފައިވާ އަޑަކުން ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަން ހުރެ، ހިތާހިތުން އެގޭ ވެރިމީހާއަށް މާއިން ޝުކުރުކޮށްލިއެވެ.
“އޭ ބުރޯ، ދެން މިތަނުން ނުކުންނާނެކަމެއް ނެތް.. އެންމެ ސޭފް ވާނީ މިތާގަ މަޑުކޮށްލުން ހެން ހީވަނީ.. އެހެންނޫނީ ހިފަހައްޓަ ފާނެ.. މަ ވެސް އަންނާނަން އަދި ގެއަށް ވަދެފަ، މަންމަ ގުޅާވަރުން މިދަނީ” މާއިން އެތަނުން އަވަހަށް ނުކުތުމުގެ ބޭނުމުގައި ބުނެލިއެވެ.
“އާނ، މަ މިތާ މަޑުކުރާނަން. ކަލޭ ވާނެ އަވަހަށް އަންނަން. މިހުރިހާ އިރު މަ ގުޅިއިރު ޖިނާން ވެސް ހުރީ ފޯނު ނިއްވާލައިގެން… ޚަބަރެއް ވެސް ނުވި” ރަވީހު ކުދިކިޔަމުން ބުނެލިއެވެ. އަދި އޭނާ މަސްތުގެ ހާލުގައި އެއްލެމުން އެއްލެމުން ކަހަލަ ގޮތަކަށް ގޮސް އަނެއްކާވެސް ވަނީ ޕާޓީކުރާ މާލަމުގެ ތެރެއަށެވެ.
އޭނާއަށް އިތުރު ރައްދެއް ދިނުމެއް ނެތި، މާއިން އަވަސް ފިޔަވަޅުތަކެއްގައި އެ އިމާރާތުން ނުކުތެވެ. އަދި އެ ގޭގެ މައިދޮރު ރަނގަޅަށް ފެންނާނެހެން މަގުގެ ތަންކޮޅެއް ދުރުގައި ފިލައި މަޑުކޮށްލިއެވެ. ފޯނު ނަގައި އާދަމްއަށް ގުޅާލިއެވެ.
“ދެންމެ ފޮނުވާފަ އިންނާނެ ލޮކޭޝަން. މެސެޖުގަ އިންނާނެ ކަންތައް ކުރަންވީ ގޮތް. ފުލުހުންގެ ފަރާތުން ސުވާލެއް އަޔަސް ބުނަންވީ ވާހަކަ ވެސް ލިޔެފަ އޮންނާނެ” އާދަމް ފޯނު ނެގުމާއެކު މާއިން އަވަސްއަވަހަށް ބުނެލިއެވެ. އެކޮޅުން އާދަމް ވެސް ވަގުތުން އެއްބަސްވެ ފޯނު ކަނޑައިލިއެވެ.
ގިނައިރެއް ނުވެ، އެ މަސައްކަތް ނިންމައި ފުލުހުންނަށް ރިޕޯޓްކޮށްފިކަން އަންގައި އާދަމް މެސެޖެއް ކޮށްލިއެވެ. ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެށިގެންދާނެ މަންޒަރު ބަލައިލުމަށް ކެތްމަދުވެފައި މާއިން މަޑުކޮށްލިއެވެ.
އިންތިޒާރުގައި ހުންނަން ޖެހުނީ އެންމެ ފަސް ވަރަކަށް މިނެޓެވެ. ސައިރަންގެ ބާރު އަޑުފަށްގަނޑާއެކު، ފުލުހުންގެ ގިނަ ޖިޕްތަކެއް އައިސް މުޅި އެ ސަރަޙައްދު ވަށައިލިއެވެ. އޮފިސަރުންގެ ބޮޑު ފައުޖެއް އެއްފަހަރާ އެ އިމާރާތުގެ ތެރެއަށް ދުވެފައި ވަދެގަތެވެ. މިހާރުވެސް ކުށްވެރިންތައް ގޮޅިއަށް ފެތިގެންދާ މަންޒަރު ސިފަވެ، މާއިންގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ފިނިކަމާއި ހިތްހަމަޖެހުމެއް ލިބެމުންނެވެ.
މާއިން ބަލަހައްޓައިގެން ހުއްޓާ އެތެރޭގައި ތިބި ފުލުހުން، މީހުންތައް ބައިބަޔަށް ބޭރަށް ނެރެން ފެށިއެވެ. ޒުވާން އަންހެން ކުދިންތައް ރޮއި ހޭރެމުން ދިޔައީ ދެން ސަލާމަތް ނުވާނެކަން ޔަޤީންވުމުންނެވެ. ފިރިހެނުންގެ ތެރެއިން ބަޔަކު ފިލަން މަސައްކަތް ކުރި ނަމަވެސް، ފުލުހުންގެ ހުޝިޔާރުކަމުން އެއިން އެކަކަށްވެސް ފިލޭ ގޮތެއް ނުވިއެވެ. ހުރިހާ އެންމެން ޖިޕްތަކަށް އަރުވައިގެން ގެންދަން ފެށިއެއެވެ. އޭރު އެތަނުގައި މަޑުކޮށްގެން ތިބި އޮފިސަރުންގެ ތެރެއިން އެއްބަޔަކު ސަރަޙައްދު ބަންދުކޮށް ޓޭޕް ދަމަމުން ދިޔައިރު، އަނެއްބަޔަކު، މަގުގެ އެކި ހިސާބުތަކުގައި ފޯރިމަރަން ތިއްބެވެ. އެމީހުންނާއި މާދުރުނޫން ހިސާބެއް ދެތިން މީހަކާއި އެކު އިޔާންވެސް މަޑުކޮށްގެން ހުއްޓާ ފެނުނެވެ. އެހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހަބަރު ލިބިގެން ބައެއް މީޑިއާތަކުގެ ނޫސްވެރިން ވެސް ޖަމާވަމުން ދިޔައެވެ. އެއީ ވެސް އާދަމްގެ މަސައްކަތްކަން އެނގި ، އޭނާގެ ހުށިޔާރުކަމަށް މާއިންއަށް ހިތާހިތުން ތައުރީފްކޮށްލެވުނެވެ.
މާއިން ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އައީ އިރުކޮޅެއް ފަހުންނެވެ. ދެ އޮފިސަރަކު ވެގެން ރަވީހުގެ ދެއަތުގައި ހިފަހައްޓައިގެން ބޭރަށް ނެރުނެވެ. މަސްތުގެ ހާލުގައި ހުރެގެން ވެސް އޭނާ ދިޔައީ ގަދަހަދައި، މުޑުދާރު ބަސްތަކުން ހަޅޭއްލަވަމުންނެވެ. އިޔާންގެ ކުރިމައްޗަށް އޭނާ ގެންދިއުމާއެކު، އޮފިސަރަކު ރަވީހުގެ ޖީބުން ނެގި ފޯނު އިޔާންއަށް ދިއްކޮށްލިއެވެ. އެ މަންޒަރު ފެނި، ދުރުގައި ބަލަން ހުރި މާއިންއަށް ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“ބުނެފީމެއްނު ތިއީ މަގޭ ފޯނެއް ނޫނޭ! މާއިންއޭ އެ ފޯނު ގެންގުޅުނީ… މަށަކަށް ވެސް ނޭނގެ މަގޭ ޖީބަށް އެ ފޯނު އައި ގޮތެއް!” ރަވީހް ބުނާއަޑު އިވުނެވެ. އެހިނދު އިޔާން އޭނާގެ މޫނުމައްޗަށް އަތުގެ ހަމަލާއެއް ދޭން އުޅުނެވެ. ނަމަވެސް މަގަތުގައި ތިބި ދެ އޮފިސަރުން އޭނާ ހުއްޓުވިއެވެ.
“ކަލޭ އާއި އެއްކޮން އުޅޭހާ މީހަކު މަތި ކުރާނެ ކަމެއް ނެތް.. އެންމެ ފުރަތަމަ ވެސް އިރަމްއާއި ބެހެން އުޅުނީ ވެސް ކަލޭ.. އޭގެ ފަހުން މި ފޯނު ވަގަށް ނެގީ ވެސް ކަލޭ އަދިވެސް ހުރިހާ ކަމެއްގަ މީހުން މަތި އަޅުވާ އެބަ” އިޔާންވެސް ހަޅޭއްލަވައިގަތެވެ.
“މަ އެއްބަހޭ މަ ކަން ފޯނު ނެގީ.. އެކަމަކަ-” ރަވީހް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް ފުރުސަތެއް ނުދިނެވެ.
“އާންން ތި އެއްބަސް ވެވުނީ އެއްނު.. މިހާރު ވެސް ތިހުރީ މަސްތުގެ ހާލަތުގަ.. ކާކު ތި ދައްކާ ވާހަކަ ގަބޫލު ކުރާނީ.. ހުރިޙާ ހެއްކެއް އެހުރީ ރަވީހްއާއި ދެކޮޅަށް.. މި ނައިޓު ކްލަބުގަ ވެސް ރަވީހް އިނީ އިއްތިފާގަކުން ނޫން.. ދެދުވަސް ވެއްޖެ ހޯދާ ތާ.. ވަގުތު ގެއްލުވާ ނުލާ މީނަ ގެންދޭ” އެހެން އޮފިސަރަކު ވެސް ގޮވާލުމުން އޭނާ ޖިޕަށް އެރުވައިގެން އެތަނުން ގެންދިޔައެވެ.
****
ހުކުރުން އައި ގޮތަށް ނިދިފައި އޮތް ސަދަފަށް ހޭލެވުނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. އަވަސް އަވަހަށް ތެދުވެ ވުޟޫކޮށްގެން އަޞުރު ނަމާދު ކޮށްލުމަށްފަހު، އެންމެ ފުރަތަމަ ވެސް އޭނާ ބަލައިލީ އިޔާންގެ ފަރާތުން އާ ޚަބަރެއް ލިބިފައިވޭތޯ ފޯނަށެވެ. އޭރު އިޔާންގެ ތިން މިސްކޯލުގެ އިތުރުން މެސެޖެއް ވެސް އައިސްފައި އޮތެވެ. ގުޅަން ނޫޅެ، މެސެޖު ހުޅުވައިލި ވަގުތު، އޭގައި އޮތީ ރަވީހު ހައްޔަރުކުރި ޚަބަރެވެ.
“އަލްޙަމްދުލިއްލާހި!” ހިތަށް ލިބުނު ބޮޑު ތަސައްލީއާއެކު ބުނެވުނެވެ.
މިރޭ އޭނާ ކުރަން ރާވައިފާ ކަންތައްމަތިން ހަނދާންކޮށްލަމުން ލުއި ގޮތަކަށް ހީލައިގެން ހުރެ އިރަމްގެ ފޯނަށް ގުޅަން ފެށިއެވެ. ނަމަވެސް ދިހަ ވަރަކަށް ފަހަރު ގުޅުމުން ވެސް ފޯނެއް ނުނެގިއެވެ. އެތައް މެސެޖެއް ކޮށްގެން ވެސް އެއްވެސް ޖަވާބެއް ނައުމުން، ސަދަފް އިތުރަށް އިރަމްއަށް ގުޅަން ނޫޅެ އިޔާންގެ ނަންބަރަށް ގުޅައިލިއެވެ.
“ކޮބާ ބްރޯ، ކޮންތާކު؟” ފޯނު ނެގުމާއެކު ސަދަފް އަހައިލިއެވެ.
“މަ މިއައީ ހަމަ ދެންމެ ގެއަށް. ދެ ދުވަސް ވަންދެން ސްޓޭޝަނުގައި ދިރިއުޅެފަ.. އަނެއްކާ ދާންވީ” އިޔާން ވަރުބަލި އަޑަކުން ޖަވާބު ދިނެވެ. ސަދަފް އެހެންހޭ ބުނެ އިރަމް ކޮބައިތޯ އަހައިލިއެވެ.
“އެހެންވެތަ ތި ގުޅީ؟ މަ ހީކުރީ މަގޭ މަތިން ހަނދާންވެގެން، ހާލު ބަލައިލަން ގުޅި ކަމަށް!” އިޔާން ބާރަށް ހީނގަންނަމުން ބުނެލި އެއްޗަކުން ސަދަފަށް ވެސް ހެވުނެވެ.
“ނޫނޭ ދެން، ދޮންބެ މަތިން ވެސް ހަނދާންވާނެއެއްނު! އެކަމަކު މިހާރު، މިއުޅެނީ އިރޫ ފޯނު ނުނަގައިގެން. ޔަޤީން އޭނާގެ އަތުގައޭ ފޯނު އޮންނާނީ” ސަދަފް ހިނިތުންވެފައި އިނދެ ބުންޏެވެ.
“ދޮންބެޔޯ؟ ހަހަހަ… އޭ، އާނ! އޭނަ އެބައިން ހަމަ މިތާ ސިޓިންގްރޫމުގަ. އަދި އިރޫއަކަށް ނޭނގޭނެ ރަވީހު ހައްޔަރުކުރި ކަމެއް. އޭނާ ޚަބަރު ބަލާކަށް ނޫޅޭނެއެއްނު. މި ގަޑީގައި ބޯކޮށް ވާރޭވެސް ވެހޭ އެބަ. އެކަމަކު ވެސް އާދޭ މިގެއަށް، އޭރުން މަ އިރޫ ބޭރަށް ނެރޭނަން. މަ ވެސް ދާންޖެހޭނެ ވިއްސަކަށް މިނެޓް ފަހުން.. ރަވީހުގެ ކޭސް މިފަހަރު ހަވާލުވީ ސީދާ މަށައް” އިޔާން ކިޔައިދިނެވެ.
” މާ ރަނގަޅަކަށްނު ތިވީ.. ކުރީ ފަހަރުވެސް އެމީހުންގެ މީހުންނާއި ހަވާލުކުރީމަ ހުރިހާ ކަމެއް ބޮއްސުންލީ.. އޯކޭ، މަ މި ދަނީ ތިގެއަށް. ރަވީހުގެ އަޕްޑޭޓްސް ދެމުން ގެންދައްޗޭ!” ސަދަފް ފޯނު ބާއްވަމުން ބުނެލިއެވެ. އަދި ތައްޔާރުވެލައިގެން އެ ގެއަށް ދިޔުމަށް އަވަސްވެގަތެވެ.
ސަދަފަށް ދެވުނުއިރު، އިޔާންއާއި އިރަމް ތިބީ ގޭގެ ބޭރު އަސްކަނި ދަށުގައި މަޑުކޮށްލައިގެންނެވެ. ސަދަފްގެ ކާރު ފެނުމާއެކު، އިޔާން އިރަމްގެ އަތުގައި ހިފައިގެން ވާރޭގެ ތެރެއިން ދުވެފައި ކަހަލަ ގޮތަކަށް އައިސް ކާރު ކައިރިއަށް ހުއްޓުނެވެ. ތިކިތަޅަމުން ދިޔަ ފިނި ވާރޭގައި ޖެހުމުން، އިރަމް ހުރީ ފިނީގެ އަސަރުން ހީގަންނަ ގޮތްވެފައެވެ.
“ދޮންބޭ! އަޅެ ތި ދެމީހުން މިހާރު ޕާޓްނާޝިޕް ވެސް ހަދައިގެންތަ ތި އުޅެނީ؟” ސަދަފްއަށް ފިލައިގެން އުޅެނިކޮށް، އޭނާގެ ކުރިމައްޗަށް އިރަމް ގޮވައިގެން އިޔާން ނުކުތުމުން އިރަމް ޝަކުވާގެ ރާގަކަށް އަޑުލައިގަތެވެ. އިޔާން ޖަވާބުގައި އެއްޗެއް ބުނުމުގެ ބަދަލުގައި ފެށީ ހޭށެވެ. ސަދަފް އެތެރެއިން ދޮރު ހުޅުވައިލުމާއެކު، އިޔާން އިރަމްގެ އަތުގައި ހިފައި ކާރުގެ ސީޓަށް ވައްޓައިލިއެވެ.
“ހަވާލު އިނގޭ! މަގޭ ދަރިފުޅު ރަނގަޅަށް ބަލައްޗޭ” ލާނެތް ހިނިތުންވުމަކާއެކު އިޔާން ބުނެލިއެވެ. ސަދަފް ވެސް ހެމުން ހެމުން ބޯޖަހައިލިއެވެ. ކާރު ދުއްވައިލުމަށްފަހު އިޔާން ލޯމަތިން ގެއްލެންދެން ވެސް، އިރަމް އިނީ ސަދަފްގެ މޫނަށް ބަލަހައްޓައިގެންނެވެ. ނަމަވެސް ސަދަފް އެންމެ ފަހަރަކު ވެސް އަނގައިން ބަހެއް ބޭރެއް ނުކުރިއެވެ.
މުޅި ކާރުތެރެއަށް ވެރިވެފައިވަނީ ބަރު ހަމަހިމޭންކަމެކެވެ. ސަދަފްގެ އަނގައިން ބަހެއް ނީއްވައި މަޑުން އިނުމުން، އިރަމްގެ ހިތުގައި ރިއްސައިގަތެވެ. އޭނާ އިތުރަށް ދެރަވީ މާޒީގެ އުފާވެރި ދުވަސްތައް ހަނދާނަށް އައުމުންނެވެ. މިފަދަ ވާރޭ ވެހޭ ދުވަސްތަކުގައި، ދެމީހުން އެކުގައި ކާރުގައި މަޑުކޮށްލައިގެން ތިބެ ހޫނު ކޮފީ ބޮމުން، އެތައް ވާހަކައެއް އެކަކު އަނެއްކަކާއި ހިއްސާކުރި ހަނދާންތަކެވެ. އެ ދުވަސްތަކުގައި އެ ދެމެދުގައި އޮތް ލޯބިވެތި އިޙްސާސްތަކުގެ ބަދަލުގައި މިއަދު މި ވަނީ ބީރައްޓެހިކަމުގެ ފާރެއް ލެވިފައެވެ. އެއީ ހައްތާވެސް އޭނާގެ ސުންޕާކަމުން ވީ ގޮތެއް ކަމަށް އިރަމްގެ ޟަމީރު ބުނަމުން ދިޔައެވެ.
އިސްވެ އަނގައިން ބުނާކަށް އިރަމް ވެސް ގަސްތެއް ނުކުރިއެވެ. އެހެންނަމަވެސް، ދޭތެރެއަކުން ސިއްރުސިއްރުން ސަދަފްގެ ފިރިހެންވަންތަ ސޫރައަށް ބަލައިލެވެއެވެ. ތުންފަތުގައި ބާރަށް ދައިގަނެވުނީ ލޮލަށް ބޮނޑިވަމުން ދިޔަ ކަރުނަތައް ހިފަހައްޓާލުމަށެވެ.
ކާރު ދުއްވަމުން ދިޔަތާ ދިހަވަރަކަށް މިނެޓް ހޭދަވިފަހުން، ސަދަފް މަޑުކޮށްލީ އަޅިކުލައިގެ ގޭޓެއްގެ ކުރިމަތީގައެވެ. މާގިނައިރަކު އެހެން އޮންނާކަށް ނުޖެހުނެނެވެ. އެ ގޭޓު ހުޅުވިގެން ދިޔައެވެ. ހީވާގޮތުން އޭނާކަން އެނގިގެން އެތެރެއިން ދޮރު ހުޅުވާލަ ދިނީއެވެ. އިރަމް ބަލައިލީ ހުޅުވިގެން ދިޔަ ގޭޓުން ފެނުނު މަންޒަރަށެވެ. ތިން ފަންގިފިލާއަށް ހަދާފައިވާ ރީތި ގެއެކެވެ. އަޅީގެ އެކި ކުލަ ތަކުން ފަރުމާ ކުރެވިފައިވާ އިރު ކޮންމެ ބަޔަކުން ބޭރަށް ބެލްކޮންޏެއް އިނެވެ. ރެއިލިންގްއަށް ހުރީ ކަޅުކުލައިގެ އަނދިރި ބޯ ބިއްލޫރިއެވެ.
ގޭޓުން ފެށިގެން މައިދޮރާ ހަމައަށް ވަދެވެން އޮތް ހިމަ މަގުގެ ދެފަރާތުގައި ޖަހާފައިވާ އޮރެންޖު ކުލައިގެ ގާޑަން ލައިޓްތަކުގެ ފަނޑު އަލި، ތެމިފޯވެފައިވާ ފެހި ވިނަގަނޑަށާއި މާމެލާމެއްޔަށް އެޅިފައި އޮތްއިރު، މުޅި މާޙައުލަށް ގެނެސްދީފައިވަނީ ޖާދުވީ އަދި އެހާމެ ހިމޭން ރީތިކަމެކެވެ. ވެހެމުން ދިޔަ ވާރޭގެ ފިނި ރާޅުތަކާއެކު، އެ ފަނޑު އަލިކަމުގެ ތެރެއިން އެ މަންޒިލް ފެންނަނީ ހިތްތަކަށް ފިނިކަން ގެނެސްދޭ، އެކަހެރި ޖަޒީރާއެއް ފަދައިންނެވެ.
ސަދަފްގެ އަނގައިން ބަހެއް ބޭރު ނުކުރި ނަމަވެސް އެއީ އޭނާގެ އަމިއްލަ ގެކަން އިރަމްއަށް ނަގައިގަނެވުނެވެ. އިރަމްއަށް ކާރުން ފައިބަންވެސް އެނގުނީ އޭނާ އިން ފަޅީގެ ދޮރު ސަދަފް ހުޅުވާލަދިނުމުންނެވެ. އިރަމް ދޮރުން ރަނގަޅަށް ނުނިކުމެވެނީސް އޭނާގެ އަތައް ސަދަފް ދަމައިގަތެވެ. އޭނާ ހިނގައިގަތް ގޮތައް ގޮސް ގޭތެރެއަށް ވަނެވެ.
“ބޮސް؟” ސަދަފް ފެނުމާއި އެކު އެތެރޭގައި އުޅުނު މަސައްކަތު މީހާ ދިޔައީ ސިއްސައިގެންނެވެ.
“މިރޭ މައްސަލައެއް ނެތް އެންމެން ގެއަށް ދިޔަޔަސް. ނުކުމެފައި ގޭޓު ރަނގަޅަށް ތަޅުލާތި!” ސަދަފް ހަމަޖެހިލާފައި އަމުރުކޮށްލިއެވެ. އެ މީހާ ވަގުތުން ބޯޖަހައިލުމަށްފަހު، އިރަމްއަށް ބަލައިލައި ލުއި ހިނިތުންވުމެއް ދީފައި ނުކުންނަން ހިނގައިގަތެވެ.
އިރަމްއަށް ބަލައިލެވުނީ އެ ތަނަވަސް ގޭތެރެއަށެވެ. އަޅިކުލައާއި ހުދުކުލައިގެ ފުރިހަމަ ގުޅުމުން ޒީނަތްތެރިކޮށްފައިވާ އެ ގޭގެ ފުރިހަމަކަމުން، އަމިއްލަ ހާލަތު ވެސް ހިނދުކޮޅަކަށް ހަނދާން ނެތުނު ކަހަލައެވެ. އަގުބޮޑު ޒަމާނީ ފަރުނީޗަރުތަކާއި، ސީލިންގްގައި އެލުވާފައިވާ ޗާންދަލިއާތަކުން މުއްސަނދިކަމާއި ފުރިހަމަކަން ދައްކުވައިދެއެވެ. ބޮޑު ލިވިންގްރޫމުގެ ތެރޭގައި ހިފާލާފައިވަނީ ލެވެންޑާ އުއްބައްތީގެ ހިތްގައިމު މީރުވަހެވެ.
ގޭގައި އުޅޭ މުވައްޒަފުން ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު، ސަދަފް އެއްވެސް އިންޒާރަކާ ނުލައި އިރަމް އަތްދަނޑިމައްޗަށް އުފުލައިލިއެވެ. އިރަމްގެ އަނގައިން ކުޑަ ހަޅޭކެއްގެ އަޑު ބޭރުވި ނަމަވެސް، ސަދަފްގެ މޭގައި އަތްއަޅައިލުން ފިޔަވައި އިތުރަށް ގަދަހަދާކަށް އޭނާއަކަށް ނުކުޅެދުނެވެ. ސަދަފް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެރީ އެންމެ މަތީ ފަންގިފިލާގައި ހުންނަ އޭނާގެ މާސްޓަރ ބެޑްރޫމަށެވެ.
އަނދިރި ކުލަތަކުން ފަރުމާކޮށްފައިވާ އެ ތަނަވަސް ބޮޑު ކޮޓަރީގެ ކިންގް ސައިޒް އެނދާ އިންވެގެން ހުރީ ބޮޑު ބެލްކަންޏަށް ނުކުމެވެން ހުރި ބިއްލޫރި ދޮރެވެ. ކާޓޭންތައް އެއްފަރާތްކޮށްފައި ހުރުމުން ބޭރުގައި ބޯކޮށް ވެހެމުން ދިޔަ ވާރޭ ފެންނަމުން ދިޔައެވެ. ބެލްކަނީގެ އޮރެންޖު އަލީގެ ސަބަބުން މުޅި ކޮޓަރިތެރެއަށް ވެރިވެފައިވަނީ ހިތްގައިމު އަދި ހުވަފެނީ މާޙައުލެކެވެ.
ސަދަފް ބޮލުގައި ވޫލްކޮޅު ނެއްޓިފައިވާތީ އިސްތަށިތައް ރަމަތަ ކޮށްލަމުން އަލުން އިރަމްއަށް ބަލައިލިއެވެ. އޭރު އޭނާ ހީގަނެގެން ތުރުތުރު އަޅަމުން ދިޔަ ގޮތް ފެނި ހިތުގައި ރަހުމް އުފެދުނެވެ. ދަތްދޮޅި ވަކިން ތެޅެމުންދިޔައެވެ. ސަދަފް އޭނާގެ ވޯކް-އިން ކްލޮސެޓަށް ވަދެ، އަތްދިގު ހުދު ގަމީހެއް ހިފައިގެން ނުކުތެވެ.
“ތި ހެދުން ހިކެންދެން މި ލާ” އިރަމްގެ އަތަށް ގަމީސް ދިއްކޮށްލަމުން ސަދަފް ފާހާނާއާ ދިމާއަށް އިޝާރާތްކޮށްލިއެވެ. އިރަމް އެ ގަމީހަށް ބަލަހައްޓައިގެން ޖެހިލުންވެފައި އިންތަން ފެނުމުން ސަދަފް އިތުރުކޮށްލިއެވެ. “މި ލާބަލަ، މަ ނޫޅެމޭ ކަމެއް ކުރާކަށް.” އެހެން ބުނަމުން ސަދަފް ލައިގެން ހުރި ތެތް ޓީޝާޓު ބާލަން ފެށިއެވެ.
އެ މަންޒަރު ނުބަލަން އިރަމް އަވަހަކަށް އިސްޖަހާލިއެވެ. އޭނާ އެނދުން ތެދުވީ އިތުރު ގޮތެއް ނެތިގެންނެވެ. ހީގަނެގެން މުޅިކުއްޖާ ކިބިހި އެޅެން ފެށުމުން މަޖުބޫރުވީ ތެތް ބާލާށޭވެ. ފާހާނާ ވެސް ހީވަނީ ބޮޑު ކޮޓަރިއެއް ހެންނެވެ. ތަނުގެ ފުރިހަމަ ކަމަށް ތައުރީފުކޮށްލަން އިރުކޮޅަކު ހުރެވުނެވެ. ލާފައި ހުރި ހެދުން ތައް ބޭލުމަށްފަހު އެ ގަމީސް ލިއެވެ. ސަދަފްގެ އިސްކޮޅު ދިގުވެފައި އިރަމް ކުރުވުމުން، އެ ގަމީސް އޮތީ އޭނާގެ ކަކުލާ ހަމައަށް ފޯރާފައެވެ. އެހެން ނަމަވެސް އެ ސިފައިގައި ބޭރަށް ނުކުންނަން އިރަމް ހުރީ އިންތިހާއަށް ޖެހިލުންވެ، ލަދުގަނެފައެވެ.
ފާހާނާގެ ދޮރުގައި ސަދަފް ޓަކިޖަހައިލުމުން، ފުން ނޭވާއެއް ލުމަށްފަހު އިރަމް ދޮރު ހުޅުވައިލިއެވެ. ނުކުމެވުނީ ސީދާ ސަދަފްގެ ކުރިމައްޗަށެވެ. މަތި ހުސްކޮށް ހުރި ސަދަފް ފެނުމުން އިރަމް އަނެއްކާވެސް އަވަސް އަވަހަށް އިސްޖަހައިލިއެވެ. ގަމީހުގެ ތިރީ ކައިރިފަށުގައި ބާރަށް ހިފަހައްޓައިގެން ހުރެ، އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެނދުގައި އިށީނދެ، އެނދުމަތީގައި އޮތް ބޯ ކުއިލްޓުން ފައި ނިވާކޮށްލިއެވެ. ލަދުގަތް ވަރުން އިރަމް ތުންފަތުގައި ދައިގަނެގެން އިންއިރު، އެ ރީތި ތުންފަތަށް ވަނީ ރަތްކުލަ ވެރިވެފައެވެ.
އިރަމްއަށް ބަލަން ހުރެފައި ސަދަފްއަށް ހިންދިރުވާލެވުނެވެ. އެރީތި އަންހެންކުއްޖާ އޭނާ މޮޔަ ކުރުވަނީއެވެ. އިރަމްގެ އެސިފައިން ސަދަފްގެ މޭގައި އެހެން ޖަޒުބާތެއް ހިލިގަންނަން މަސައްކަތް ފަށައިފިއެވެ. ރޭގެ ހަނދާން ވެފައި ސަދަފް އަވަސް އަވަހަށް ދެފަރާތައް ބޯހޫރުވާލަމުން ކަރުކެހިލިއެވެ. އޭނާ ލަސް ފިޔަވަޅު ތަކެއްގައި ގޮސް އިރަމްގެ އަތައް ދިއްކޮށްލީ ބިއްލޫރި ތައްޓެކެވެ.
“މީ…މީ ކޯއްޗެއް؟”އޭގައި ހުރި ސާމާނަށް ބަލައިލަމުން އިރަމްއަށް އެހުނެވެ.
“ޖިންޖާރ ޓީ.. ހޫނެއް ނުވާނެ.. ބޯލަ” ޖަވާބުގައި ސަދަފް ބުނެލިއެވެ. ހޫނެއް ނުވާނެއޭ ބުނި އިރު އެތަށިން އާވިއަރަމުން ދިޔަ މަންޒަރު ފެނި އިރަމްއަށް ބަލައިލެވުނެވެ. އިރުކޮޅަކު ފުމެލާފައި އެތިފޮދެއް ބޯލުމަށްފަހު އިރަމް އެތަށި ބެހެއްޓީ ސައިޑް ޓޭބަލް މަތީގައެވެ.
“ކީއްކުރަން ގެނައީ؟”
” ސްލީޕް އޯވަރ އަކަށް” ވަރަށް ހަމަޖެހިލާފައި ސަދަފް ޖަވާބު އިއްވާލިއެވެ. އިރަމް ދެލޯ ބޮޑުކޮށްލަމުން ކީކޭހޭ އަހާލެވުނެވެ.
”ބޭބީ، ހާދަ ވަރަކަށް ތި ސިހުނީ..ދޮންބެ ކައިރިން ހުއްދަ ހޯދީމޭ..” ވާހަކަ ދައްކަމުން އައިސް އިރަމްގެ އަތުގައި ސަދަފް ހިފާލިއެވެ. އެހާ ނާޒުކު ވަގުތެއްގައިވެސް ސަދަފްގެ ޖަވާބުން އިރަމްއަށް ހުރެވުނީ ހިނިއަންނަ ގޮތް ވެފައެވެ. އެކަމަކު ކަރުކެހިލަމުން އެކަމެއް ނުދެއްކިއެވެ.
ސަދަފް، އިރަމް ގާތްކޮށްލަމުން ކުރިމަތި ކުރުވީ ރިތިވާ މޭޒުގެ ލޯގަނޑާއި އެވެ. އިރަމްގެ ފަހަތުގައި ސަދަފް ހުއްޓިލަމުން އެއް އަތުން، އޭނާގެ ބަނޑުގައި އަތް ވަށާލިއެވެ. އޭނާ އަދިވެސް ހުސްގަޔާ ހުރުމުން، އެއަދާއިން އެހަށިގަނޑުގެ ހޫނުކަން އިޙްސާސްވެ އިރަމްގެ ހީ ފިލާގޮތްވިއެވެ. އަނެއް އަތުން އިރަމްގެ ދަތްދޮޅީގައި ހިފައި މަޑުމަޑުން އިސްއުފުލައިލުމުން، ލޯގަނޑުން ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. ކަޅިޖަހައިނުލައި ސަދަފް ބަލަން ހުރި ގޮތުން، ލަދުގަތް ވަރުން އިރަމްގެ ދޮން ކޯތާފަތަށް ޖަންބުކުލަ ވެރިވިއެވެ.
“އިޓް ވޯޒް ގުޑް،… ލާސްޓް ނައިޓް” އިރަމްގެ އިސްތަށިގަނޑު ކޮނޑުމަތިން އެއްކައިރިކޮށްލަމުން ސަދަފް އިނގިލި ހާކާލީ ކަނދުރާ ކައިރިން ކުޑަކޮން ރަތްވެފައި އިންތަންކޮޅެއްގައެވެ. އިރަމް ތެޅިގަނެފައި އަވަސް އަވަހަށް އިސްތަށިގަނޑު އަނެއްކާ ވެސް އެފަރާތައް ވައްޓާލިއެވެ. ކުރިއަށް ވުރެން ބޮޑަށް އިރަމް ލަދުގަނެފައިވާ މަންޒަރުފެނި ސަދަފްގެ ފުށުން އިވިލީ ލުއި ހިނިތުންވުމެކެވެ.
“ޑޯންޓް ވޮރީ.. އަމް ދި ވަން ހޫ ޑިޑް ދެޓް..އެންޑް އިފް ޔޫ ވޯންޓް އިޓް އެގެއިން، ޖަސްޓް ސޭ ދި ވޯޑް.. އައި ވޯންޓް ހެސިޓޭޓް ދިސް ޓައިމް” އިރަމްއަށް އެއް ލޯމަރާލުން ސަދަފް ބުނެލިއެވެ. އެކަމުން އޭނާގެ މޫނުން ލަދުރަކި ކަމާއި އެއްވަރަށް ކަންބޮޑުވުން ފެނުނެވެ. ނުހަނު އަވަހަށް ސަދަފްގެ މޭގައި ޖަހާލިއެވެ. އިރަމް ދުރަށް ދާން އުޅުމުން އިހުނަށް ވުރެން ގާތައް ގެނައެވެ.
“ޑޯންޓު ވޮރީ، ރަވީހް ހައްޔަރުކޮށްފި” އެންމެފަހުން ސަދަފް ބުނެލިއެވެ. އިރަމްގެ ނިތައް އަރައިގެން ދިޔައީ ރޫތަކެވެ. އޭނާ އެ ދައްކާ ވާހަކަ އެއްވެސް ވަރަކަށް ފަހުމް ވީހެން ހިއެއް ނުވެއެވެ.
“އޯކޭ އަޑުއަހާ، އިރޫ ފޯނު ނުނަގާތީ އަހަރެން މީރާން ގާތު ބުނިން.. މީރާން ތި ފޯނު ބެލި އެއްނު .. އެހުރިހާ އަޕްޑޭޓެއް މަށައް ދިނޭ.. ދެން އިޔާން ވެސް ގުޅާފަ އެހަބަރު ދިން.. ދެން މިއަދު ހެނދުނު ރަވީހް ހުރިކަމަށް ބަޔަކު މައުލޫމާތު ދީގެން އިޔާންމެން އޮޕަރޭޝާނަށް ދިޔަ.. ރަވީހް ފެނުނު އަދި އިރޫގެ ފޯނު ވެސް ފެނުން.. ހާސް ނުވާތި ފޯނު މިހާރު އޮތީ އިޔާންގެ އަތުގަ..” ސަދަފް ކިޔައިދިނެވެ. އެހުރިހާ ވާހަކައެއް އަޑު އިވުމުން، ޖަޒުބާތުގައި ޖެހި ނުހިފެހެއްޓިގެން އިރަމްއަށް ރޯންފެށުނެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރިއިރު ގިސްލެވެން ގިނައިރެއް ނުނެގިއެވެ. އެ މަންޒަރު ފެނި ސަދަފްގެ ހިތަށް ކެތެއް ނުވިއެވެ. އޯގާތެރިކަމާއެކު އޭނާގެ ދެއަތުން އިރަމްގެ ކޯތާފަތުގައި ފިރުމައިލަމުން، އެ ރީތި ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދިނެވެ.
“އިޓްސް އޯކޭ ބޭބީ، އިޓްސް އޯކޭ” އިރަމްގެ ބޮލުގައި ފިރުމަމުން ދިޔައިރު ވެސް މެދު ނުކެނޑި އިރުގަނޑެއް ވަންދެން ރުއިމުގެ އަޑު އިވެމުން ދިޔައެވެ. އޭނާގެ ކަރުނަތައް ހުއްޓުނީ ސަދަފްގެ އެތައް ހިތްވަރުގެ ބަހަކުންނެވެ.
” އޭނާގެ އިންޒާރުތައް ފެނުނުނަމަ އެނގޭނީ.. އިރޫއަކީ އެހާ އަވަހަށް ޕެނިކްވާ މިހެއް.. އެ ފޮޓޯތައް ދައްކާފަ ދެން ޝެޑީއާއި ދުރުވާން ބުނީމަ އިރޫއަކަށް ނޭނގުނު ހަނދާނެ ގޮތެއް.. އައި ތޯޓް-” ވާހަކަ ދައްކަމުން ދަނިކޮން އިރަމްއަށް އަނެއްކާވެސް ރޮވުނީއެވެ.
” އެދުވަހު މީރާން ގަދަބާރުން ފޯނު ނުބެލިނަމަ ކިހިނެތް ވާނީ.. ދެން އެކަމަކު ޕްރޮމިސް މީ ކިރިޔާ ކަމެއް ދިމާ ވިޔަސް ބުނަން.. ދުވަހަކު ވެސް ކަމެއް ނުފޮރުވައްޗޭ.. ބޭބީ، އައި ލަވް ޔޫ.. އައި ލަވް ޔޫ ސޯ މަޗް” އިރަމްގެ ނިތުގައި ނިތް ޖައްސާލަމުން އެ ބަސްތައް ސަދަފް އިއްވާލިއެވެ. އިރަމްއަށް ދެލޯ މަރާލެވުނީލިބުނު ހިތްހަމަ ޖެހުމާއިއެކުއެކީއެވެ.
“އައި ޕްރޮމިސް… އައި ލަވް ޔޫ ޓޫ” މަޑުމައިތިރި އަޑަކުން އިރަމް ބުނެލިއެވެ. ކަރުނައިގެ ތެރެއިން ވެސް އޭނާގެ ތުންފަތްމައްޗަށް ވެރިވެގެން ދިޔައީ ހިތްގައިމު، އުފާވެރި ހިނިތުންވުމެކެވެ. އެތައް ދުވަހެއް ވަންދެން ހިތުގައި އުފެދިފައި އޮތް ބިރުވެރިކަމާއި ހުރިހާ ނުތަނަވަސްކަމެއް އެއްފަހަރާ ފިލައިގެން ދިޔަ ކަހަލައެވެ. ސަދަފްގެ އަތުތެރޭގައި ހުރެވުމުން ލިބުނު ރައްކާތެރިކަމުގެ އިޙްސާސާއެކު، އިރަމް މަޑުމަޑުން ސަދަފްގެ މޭގައި ބޯއަޅައިލިއެވެ. އޭނާގެ ދެއަތުން ސަދަފްގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓައިލީ ދުވަހަކު ވެސް ވަކިވާން ބޭނުން ނުވާ ފަދަ ގޮތަކަށެވެ. ސަދަފް ވެސް އިރަމްގެ ނިތުގައި ލޯތްބާއެކު ބޮސްދެމުން، އެ ހަށިގަނޑު އިތުރަށް ގާތްކޮށްލީ މުޅި އުމުރަށް ވެސް އެ ލޯބި ހިމާޔަތްކުރާނެ ކަމުގެ ފޮނި ވަޢުދާއެކުގައެވެ.
”ހިނގާބަ، އެބަ އިނޭ ކުޑަ ކަމެއް” އިރަމްއާއި ދުރުވެލަމުން ސަދަފް ބުނެލިއެވެ. އޭނާ ބޯޖަހައިލި ތަންފެނި ޓީޝާޓެއް ލައިގެން، އެ އަތުގައި ހިފާލަމުން ސަދަފް ނުކުތީ ކޮޓަރިން ބޭރަށެވެ. މައްޗަށް އެރެން އިން ސިޑިކޮޅު ކަޑައްތު ކޮށްލުމަށްފަހު އިރަމްގެ ގާތު ލޯމަރަން އެދުނެވެ. ސަދަފް ބުނިހެން އިރަމް ކަންތައް ކުރިއެވެ. މަންޒަރު ނުފެނުނު ނަމަވެސް އިރަމްގެ ކަންފަތުގައި ހިފާލީ ވާރޭ ވެހޭ އަޑާއި މަޑުގޮތަކަށް ޖަހާފައިވާ މިއުޒިކެއްގެ އަޑެވެ. އެހެން ހުއްޓާ އޭނާގެ އަތުން ސަދަފް ދޫކޮށްލިއެވެ. އެއްޗިހި ތަކެއް ތަޅުވާ އަޑާއި އަލިފާން ރޯކުރާ ކަހަލަ އަޑެއް ކަންފަތުގައި ހަރުލައިގެން ދިއުމާއި އެކު އިރަމްގެ ނިތައް ރޫ އަރައިގެން ދިޔައެވެ. އެކަމަކު، ސަދަފް ހުޅުވާށޭ ނުބުނާތީ އިރަމް އަދިވެސް ހުރީ ލޯ މަރައިގެންނެވެ.
“ދެން ހުޅުވަބާ” ސަދަފްގެ އަޑަށް އިރަމް ދެލޯ ހުޅުވާލިއެވެ. އޭނާ ފުރަތަމަވެސް ދިޔައީ ސިއްސައިގެންނެވެ. ކުރިމަތީގައި، ފިނިފެންމަލުގެ ގުލްދަސްތާ އަކާއި ކުޑަ މަހުމާ ފޮއްޓެއް ހިފައިގެން ސަދަފް އިނީ އުޑަފައިންނެވެ. އޭނާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. އިރަމްގެ ނަޒަރު ވަށައިގެން ވީ މަހައުލަށް ހުއްޓަލެވުނީ އޭގެފަހުގައެވެ. އެކި ސަރަހައްދު ތަކުގައި އުއްބައްތި ބަހައްޓާފައި ހުރިއިރު ބިންމަތީގައި ފިނިފެންމާ ފިޔަ އުކާފައި ހުއްޓެވެ. އެއީ އެގޭގެ ޓެރެހެވެ. ބޭރަށްވާހެން އިންނަ ބިއް އެއްކޮޅުން އަނެއްކޮޅަށް ބިއްލޫރި ބޭނުންކޮށްފައި ވާގޮތުން ބޭރު ނުހަނު ރީއްޗަށް ފެނެއެވެ. ފުޅާ ސޯފާތަކާއި އޭގެ ކުރިމައްޗަށް ވާހެން ހުރީ ކޮފީ ސްޓޭންޑެކެވެ. އެކި ކަހަލަ ކޮފީގެ ވައްތަރުތަކެވެ. މުޅިންވެސް އިރަމް އަށް ކަމުދާނެހާ ސާމާނެވެ. އިރަމް ދެކެ ސަދަފް ވާ ލޯބި އެތަނަށް ހިންގާލާ އެންމެ ނަޒަރަކުން ވެސް އިޙްސާސްވާވަރުވެއެވެ.
އެކުވެރިންގެ ގޮތުގައި ތިބެ ދެއްކި ވާހަކައެއްގައި، އެއްވެސް އަލިގަދަ ލައިޓެއް އޭނާގެ ‘ ޑްރީމް ހައުސް’ގެ ޓެރެސްގައި ބަހައްޓަން ބޭނުން ނުވާ ވާހަކަ އިރަމް ބުންޏެވެ. އަދި ބަދަލުގައި ބަހައްޓަން ބޭނުންވަނީ އޮރެންޖް އަލި ހުންނަ ކުދި ލައިޓް ލުމަށްފަހު މަސްނޫއީ ގަސް ކަމުގައި ވެސް ބުންޏެވެ. އެކަން ނުހަނު ފުރިހަމައަށް ސަދަފް ކޮށްފައި ހުއްޓެވެ. ނިއޯން ލައިޓްތަކާއި ލެޑް ސްޓްރިޕްތަކުގެ މަޑު ފަނޑު އަލިކަމުގެ ތެރެއިން ފެންނަ އެކި ވައްތަރުގެ ފެހި ގަސްތަކުން މުޅި ތަން ފެންނަނީ ހުވަފެނީ ތަނެއްގެ ގޮތުގައެވެ. އުފަލާއި ޙައިރާންކަމުން އިރަމްއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ.
“އޭޒް ޔޫ ސެއިޑް… ނޯ ބިގް ލައިޓްސް” ސަދަފް ލާނެތް ގޮތަކަށް އެއްލޯ މަރައިލިއެވެ.
“ތޭންކް ޔޫ…” ތުންކޮޅު ނެރެލަމުން، ހިތް ފުރިގެން އައި އިޙްސާސްތަކާއެކު އިރަމްއަށް ބުނެލެވުނެވެ. ސަދަފް ރައްދުކޮށްލީ ލޯބިވެތި ހިނިތުންވުމެކެވެ.
“ބޭބީ… ވިލް ޔޫ މެރީ މީ؟” އަތުގައި އޮތް މަޚުމާ ފޮށީގެ މަތި ހުޅުވައިލަމުން ސަދަފް ސީދާ އިރަމްގެ ދެލޮލަށް ބަލައިލިއެވެ. އެހިނދު ފޮށީގެ އެތެރޭގައި އޮތް ހުދު ރަނުގެ އަގުބޮޑު ޖަވާހިރު އަނގޮޓި، އެ މަޑު އަލީގެ ތެރޭގައި ވިދައިގަތެވެ. އިރަމް ހުއްޓުން އަރައި ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. މިހާ ދުވަހު އުފުލި ހުރިހާ ހިތާމަތަކާއި ބިރުވެރިކަން އެންމެ ސިކުންތެއްގެ ތެރޭގައި ހިތުން ފިލައިގެން ދިޔައެވެ. ހީވީ އުފާވެރިކަމުގެ މުޅިން އާ ދުނިޔެއަކަށް ފިޔަވަޅު އެޅުނު ހެންނެވެ.
ސަދަފް ކޮޅަށް ތެދުވެ، ސޯފާ މަތީގައި ގުލްދަސްތާ ބޭއްވުމަށްފަހު، އިރަމްއާ ގާތަށް ޖެހިލައި އަތް ދިއްކޮށްލިއެވެ.
“ވިލް ޔޫ؟” ސަދަފް އަނެއްކާވެސް އޯގާތެރިކަމާއެކު އަހައިލިއެވެ.
ދެލޯ ފެންކަޅިވެފައި ހުރެ، އިރަމް އޭނާގެ ހިމަހޯލި އަތްތިލަ ސަދަފްގެ ފިރިހެންވަންތަ އަތުގެ ތެރެއަށް ލައި ދިނެވެ.
“ޔެސް… ޔެސް!” ތުންފިއްތައިލެވުމާއެކު، އުފާވި ވަރުން އިރަމްއަށް ރޮވިއްޖެއެވެ.
ސަދަފް ނުހަނު ފަރުވާތެރިކަމާއެކު އިރަމްގެ ކަށި އިނގިލީގައި އެ އަނގޮޓި އަޅުވައިދިނެވެ. އަދި ލަސްކުރުމެއް ނެތި، އޭނާގެ ދެއަތުގެ ތެރެއަށް އިރަމް ގެނެސް މޭގައި ބޮނޑިކޮށްލީ ނިމުމެއް ނެތް ލޯތްބާއެކުގައެވެ.
“އަޅެ މިރޭ މި ކުއްޖާ ކިތައް ފަހަރުތަ މި ރޮއްވާލެވުނީ؟ ދެން ތިހެން ނުރޮއިބަލަ… ތިހެން ހަދަންޏާ މަށަށް ވެސް ރޮވިދާނެ” އިރަމްއާ ކުޑަކޮށް ދުރުވެލަމުން، އިރަމް ތުންނެރެގެން ހުރި ގޮތަށް ސަދަފް ވެސް ވައްތަރު ޖައްސައިލިއެވެ. އެ ލޯބި ހަރަކާތުން، ކަރުނައިގެ ތެރެއިން ވެސް އިރަމްގެ އަނގައިން ހުނުމުގެ އަޑު ބޭރުވިއެވެ.
“ދެން ހާދަ ސަޕްރައިޒް ވެއްޖެޔޭ! އަހަރެންގެ ރުހުން ހޯދަން ޝެޑީ ހުރިހާ ޕޮއިންޓެއް ނޯޓުކޮށްގެން ދޯ ތިހުރީ؟ އަޅެ ހާދަ ލޯތްބޭ… މިހިރީ ހުސް އަހަރެންގެ ފޭވަރިޓް ގަސްތައް. ދެން އަޅެ ނިދާނީ ވެސް ހަމަ މިތާގަ!” އެތަނުގެ ފުރިހަމަކަމުން އިރަމްގެ ދުލުން ތަޢުރީފުގެ ބަސްތައް މެދުކެނޑުމެއް ނެތި އޮހެމުން ދިޔައެވެ. ސަދަފް ހެވިފައި ބަލަން ހުއްޓެވެ.
“ދެން މަށާ ކައިވެނި ކޮށްގެން ވެސް ޓެރެސްގަތަ އިރޫ ދިރިއުޅޭނީ؟” ސަދަފް އެއްމިޔަކަނުން ހީނލަމުން ދިމާކޮށްލިއެވެ.
“ދެން އެހެންނެއް ނޫނޭ!” ސަދަފްގެ މޭގައި މޫނު ފޮރުވައިލަމުން އިރަމް ޖަހައިލީ މަޖާ ހިނިގަނޑެކެވެ.
****
ޖިނާން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަހިނގައި ހުއްޓެވެ. އޭނާގެ ސިކުނޑި ވަނީ އިންތިހާއަށް ހާސްވެ، ފިކުރުތަކުން ފުނިޖެހިފައެވެ. ކުއްލިއަކަށް އެމީހުންގެ މައި ވިޔަފާރި ހުއްޓުމަކަށް އައިސް، އޭނާގެ އެންމެ އިތުބާރުކުރެވޭ ބައިވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔަ ގޮތެއް ހަމަ އެއްގޮތަކަށް ވެސް ވިސްނައިގަންނާކަށް ނޭނގުނެވެ. ގާތުގައި ހާސްވެފައި ތިބި އާޝިއުއާއި ޝާއިރާއާ ދިމާއަށް އޭނާ ބަލައިލިއެވެ.
“ތި ދެމީހުން އަނެއްކާ މިތަނަށް އައިކަން އެއްވެސް މީހަކަށް އެނގޭނެތަ؟” ޖިނާން ތަކުރާރުކޮށް އަހައިލިއެވެ.
“އަހަ، ނޫނެކޭ! ޖިނާން ތި ސުވާލު ތި ކުރަނީ މިހާރު ތިންވަނަ ފަހަރަށް. މިއީ އާޝިއުގެ ގެއެއްނު. މިގެއަށް އަހަރެމެން ކިތަންމެ ވަރަކަށް އަޔަސް ކާކު ސުވާލު އުފައްދާނީ؟” ވަރަށް ހަމަޖެހިލާފައި ޝާއިރާ ބުނެލިއެވެ.
“މަ މިހާރު ދެ ފަހަރަކު ސްޓޭޝަނަށް ވެސް ގޮސްފިން. އެކަމަކު ރަވީހްއާއި ބައްދަލުވާނެ އެއްވެސް ގޮތެއް އަދި ނުވި. ޖިނާންގެ އެކުވެރި ފުލުހުން ވެސް އުޅޭނު… އަޅެ އެމީހުން މެދުވެރިކޮށް ބަލާލަންވީނު؟” އާޝިއުގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.
ޖިނާން ވަގުތުން ފޯނު ނަގައި، ފުލުހުންގެ ތެރޭގައި ހުންނަ އޭނާގެ ގާތް މީހަކަށް ގުޅައިލިއެވެ.
“އޭ، މަށަށް ރަވީހާ ބައްދަލުކުރެވޭނެ ގޮތެއް އަޅެ ހަދައިދީބަލަ… އޭނަ… އޭން؟ލާރިއޭ؟” ވާހަކަ ދައްކަދައްކާ ހުއްޓާ އެކޮޅުން ބުނި ވާހަކައަކުން ޖިނާން ހުއްޓުން އެރިއެވެ.
“އާނ! ކުރިން ދިން ލާރިކޮޅު ހުސްވެއްޖެ. ތިއީ އެހާ ފަސޭހަ ކަމެއް ނޫން. މިފަހަރު އަގަކާ ނުލައި ތިކަމެއް ނުވާނެ” އެކޮޅުން ވާހަކަ ދެއްކި ފުލުސް އޮފިސަރުގެ އަޑުގައި ވަނީ ފަރުވާކުޑަ ގޮތެކެވެ.
“ތިކަމާ ހާސްވާނެ ކަމެއް ނެތް. މިހިރީ ޝާއިރާ ވެސް. ކިހާ ވަރެއް ބޭނުންވަނީ؟ ފަންސާސް ހާސް؟ އޯކޭ، މައްސަލައެއް ނެތް!” ޖިނާން، ޝާއިރާ ކުރެން އަހައިވެސް ނުލައި، އަމިއްލަ އިޚްތިޔާރުގައި ނިންމުން ނިންމައިލިއެވެ.
“ޖިނާން! އަހަރެން ކުރީ ދުވަހު ވެސް ބުނީމެއްނު އަތުގައި ފައިސާއެއް ނެތޭ! މިދަނޑިވަޅުގައި އާމިލާ ގާތަށް ލާރި ހޯދަން ދިޔުމުން އޭނާ ޝައްކު ނުކޮށް ހުންނާނެތަ؟” ކަންބޮޑުވެފައި ހުރެ ޝާއިރާ ބުނެލިއެވެ.
“މަންހާއާ ބައްދަލުކުރަން ކަލެއަށް ފުރުޞަތު ހޯދައިދިނީ މަގޭ އަމިއްލަ ލާރިން. މިވަގުތު ދިވެހި ފައިސާ ހުރި އެކައުންޓެއް މަގޭ އަތަކު ނެތް. މިކަމުގައި އެހީނުވެ، މަށާ ދެކޮޅަށް ތެދުވެވޭ ވަރުގެ ޤާބިލުކަމެއް ކަލޭގެ އެބަހުރިތަ؟” މަލާމާތުގެ ރާގަކަށް ޖިނާން ބުނެލިއެވެ. އެ ބަސްތަކުން ޝާއިރާ ބިރުގަނެ، ނިތްކުރިން ދާހިއްލައިލިއެވެ.
“މާއިން ގާތު ބުނެބަލަ ޖިނާން! އެއީވެސް ގޮތެއްނު؟” އާޝިއު ޚިޔާލެއް ދިނެވެ.
“އޭނަ ފޯނެއް ނުނަގާ. މަ ކިހިނެއް އޭނާ ގާތު ބުނާނީ؟ އެހެންނޫނަސް އެއަށްވުރެ ރަނގަޅު ގޮތެއް އެބައޮތް. އާޝިއު، ކަލެއަށް އެބައޮތް ޗޮއިސްއެއް. ކަލޭގެ ޕާޓީގެ ތިޖޫރީން ލާރިކޮޅެއް ހަމަޖައްސައިލެވޭނެ ގޮތެއް ނެތްތަ؟ ފައިސާ ހޯދައިގެން ނޫނީ އަހަންނަކަށް ރަވީހްއާއި ހަމައަށް ދެވޭކަށް ނެތް. އެހާ ސިއްރު މަންޒިލެއް ފަޅާއަރުވައިލީ އާދައިގެ ބަޔަކަށް ނުވާނެ. އަމިއްލަ ފައިދާއަށް ވިސްނިޔަސް އަހަރެމެންގެ ރެގިއުލާ ކަސްޓަމަރުން އެފަދަ ކަމެއް ނުކުރާނެ. އަނެއްކޮޅުން މާއިން ގާތު ލާރިއަށް އެދޭކަށް މަށަކަށް ނުފެނޭ. އޭނާ މިހާރަކަށް އައިސް އުޅޭ ގޮތް ވަރަށް ތަފާތު. ހީވަނީ ކަމެއް އެނގިގެން، ނޫނީ ކަމަކާ ޝައްކުވެގެން އުޅޭހެން. މަށަށް ހީވާ ހީވުން ޔަޤީންވާނީ ވެސް ރަވީހްއާއި ބައްދަލުވެ ވާހަކަ ދެކެވިގެން” ޖިނާން އޭނާގެ ހިތުގައި އޮތް ޝައްކުތައް ބަންޑުންކޮށްލިއެވެ.
އިރުކޮޅަކު ވިސްނުމަށްފަހު އާޝިއު އެއްބަސްވިއެވެ. “އަހަރެން މިދަނީ ފައިސާގެ ކަންތައް ހަމަޖައްސަން. ޖިނާން ދޭ ސްޓޭޝަނަށް. މާ ގިނައިރެއް ނުވެ ލާރި ޓްރާންސްފަރ ކޮށްދޭނަން”
ޖިނާންއަށް ފުލުހުންގެ އިދާރާއަށް ދެވުނުއިރު މަޣްރިބް ނަމާދުގެ ބަންގީގެ އަޑު އިވެމުން ދިޔައެވެ. އެވަގުތު އާޝިއު ގުޅައި ފައިސާ ފޮނުވި ވާހަކަ ބުނުމުން، ޖިނާންގެ މޫނުމައްޗަށް ހިތްހަމަޖެހުމުގެ ވިދުވަރެއް ވެރިވިއެވެ. ޖިނާން ގުޅާލުމާއެކު، އޭނާގެ އެކުވެރި ފުލުސް އޮފިސަރު ދާދި އަވަހަށް އައިސް ކުރިމައްޗަށް ހުއްޓުނެވެ’
“ވިހި މިނެޓު! އޭގެ ފަހުން ތަޙުގީގް ޓީމު އަންނާނެ. އަހަރެމެން ގާޑުކުރަން ތިބޭ މީހުންނަކަށް މާ ބޮޑު ބާރެއް ނޯންނާނެ. ކޮބާ ލާރި؟” އެ އޮފިސަރު ވަށައިގެން ހޯދައިލަމުން ސިއްރުން އެހިއެވެ.
“ފޯނު ބަލައިލަބަލަ، ފޮނުވާފަ ވެއްޖެ. ދެން ވެސް ވަގުތު ބޭކާރު ނުކޮށް ހިނގާބަލަ!” ޖިނާން ގާތު ފަހަތުން އައުމަށް އިޝާރާތްކޮށް، އެ އޮފިސަރު ސިއްރު މަގަކުން ގެންގޮސް ރަވީހު ބަންދުކޮށްފައި ހުރި ގޮޅީގެ ކައިރިއަށް މަޑުކޮށްލިއެވެ.
“ބްރޯ! މަ މިތަނުން ސަލާމަތްކޮށްދީ، ހެޔޮނުވާނެ! މިވީ ފަސް ގަޑިއިރު ވެސް މަށަށް ހީވީ ފަސް ޤަރުނު ހެން!” ރަވީހަށް ޖިނާން ފެނުމާއެކު ދަގަނޑު ބޯޑަރުތަކުގައި ހިފަހައްޓައި ހަޅޭއްލަވައިގަތެވެ.
” އަޑުގަދަ ނުކޮށްބަލަ، އެކަމާ އެއްނު މިއުޅެނީ..ކިހިނެތް ތަ ވީ؟ ތި ވެގެން އުޅޭ ގޮތެއް ކިޔާބަލަ؟ ކާކުތަ ރަވީހް ގެނައީ؟” ޖިނާންގެ ސުވާލްތަކާއި އެކު ރަވީހް ދޫކޮށްލީ އުދާސީ ނޭވާއެކެވެ. ދެވަނަ ސިކުންތު މޫނަށް ޖަމާވެގަތީ ރުޅިވެރިކަމެވެ.
މަށަށް މި ޙާލު ޖެއްސީ ހަމަ އެ މާއިން!” ރަވީހުގެ އަޑުގައި ވަނީ ވިހަގަދަ ކަމެކެވެ. މޫނު ރަތްވެ، ދެލޮލުން ހީވީ އަލިފާން ކަނި ބުރައިގެން ދިޔަ ހެންނެވެ.
ޖިނާންގެ މޫނުމަތިން އެއްވެސް ޙައިރާންކަމެއް ނުފެނުނެވެ. ފެންނަން ހުރީ އޭނާގެ ހިތުގައި އޮތް ބޮޑު ޝައްކު ޔަޤީނަށް ބަދަލުވުމުން ވެރިވި ފިނި ކުލަވަރެކެވެ.
އެންމެ ފުރަތަމަ އިރަމްއަށް ފާރަލައިގެން ރަވީހު ހައްޔަރުވި ވަގުތު، އިރަމްގެ ފޯނު މާއިންގެ އަތަށް ދިން ގޮތުގެ ވާހަކަ ރަވީހު ކިޔައިދިނެވެ. އަދި އޭގެ ފަހުން އެ ފޯނު މާއިން ފޮރުވައިގެން ގެންގުޅުނު ވާހަކައާއި، ފޯނުގައި ހުރި އިރަމްގެ ފޮޓޯތައް ދައްކައިގެން މާއިން އަމިއްލައަށް ކަންތައްތަކެއް ރާވަމުން ދިޔަ ވާހަކައެވެ. އަދި އެ ވާހަކަ ޖިނާން ގާތު ނުބުނުމަށް މާއިން އެންގި ގޮތާއި، އެންމެ ފަހުން މިއަދު އެމީހުންގެ ނައިޓް ކްލަބަށް މާއިން އައިސް، ރަވީހަށް ނޭނގި އޭނާގެ ޖީބަށް އެ ފޯނު ލައި ފުލުހުންނަށް އަތުލައިގަނެވޭނެ މަގު ތަނަވަސްކޮށްދިން ވާހަކަ ބުންޏެވެ.
އެ ހުރިހާ ވާހަކައެއް އަޑުއިވުމުން ޖިނާންގެ ދެއަތް މުށްކެވި، ދަތްކުނޑިވިކައިގަނެވުނެވެ. މާއިން އެ ހުރިހާ ކަމެއް އެ ކުރީ ކިހާ ވަރުގަދަ އަދި މަކަރުވެރި ރޭވުމެއްގެ ދަށުން ހެއްޔެވެ؟ އެހާ ދުވަސް ވަންދެން އެކުގައި އުޅެ، މާއިން އެފަދަ ބޮޑު ކަމެއް ކޮށްފާނެ ކަމަށް ޖިނާން ހިތަށްވެސް އަރުވާފައެއް ނެތެވެ. މާއިންގެ މައްޗަށް އޮތް ރުޅިވެރިކަމުން އޭނާގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ.
“އެހެންވީމަ އޭނާއަށް އަމީރާގެ ހަގީގަތް އެނގިއްޖެ.. އެހެންވެ ފުލުހަށް ރިޕޯޓުކުރީ އެ.. އަނެއްކޮޅުން އެމީހުންނަށް ކެމެރާގެ މަންޒަރުތައް ލިބިއްޖެޔާ މަ ވެސް ފެންނާނެ..ދެން މަށައް ވެސް އުޅެން ޖެހޭނީ ފިލައިގެން..އެކަމަކު ބުނަންތަ، ދެން އަދި މި ފެށުނީ .. އެންމެ ތަންކޮޅެއް ވެސް ދޫ ނުދޭނަން ” މުށްކަވާފައިވާ އަތަށް އިތުރަށް ބާރުކޮށްލަމުން ޖިނާން އެހެން ބުނެލިއިރު، އެ އަނދިރި ދެލޮލުން ފެންނަމުން ދިޔައީ ވިހަގަދަ މަކަރުވެރިކަމާއި އަނިޔާވެރިކަމުގެ އިންތިހާއެވެ. ވަގުތު ހަމަވެއްޖެކަމަށް ބުނެ ގާޑު އޮފިސަރު އިންޒާރު ދިނުމުން، ޖިނާން އެތަނުން ނުކުންނަން ހިނގައިގަތީ، ފުލުހުންގެ ތަޙުޤީޤަށް އެއްވެސް ވާހަކައެއް ސާފުކޮށް ކިޔައިނުދީ ހިފަހައްޓައިލުމަށާއި، ދެން ކަންތައް ކުރަންވީ ގޮތް ރަވީހުގެ ކަންފަތްދޮށުގައި ނުހަނު ސިއްރުން ކިޔައިދިނުމަށްފަހުގައެވެ.
****
ތަޙުޤީޤު ކޮޓަރިން ނުކުމެގެން އައިއިރު އިޔާންގެ މޫނުމަތި ވަނީ ރުޅިގަދަވެގެން ގޮސް ރަތްވެފައެވެ. ނިތްކުރީގެ ނާރުތައް ފުފިފައި ހުރިއިރު، އޭނާގެ ހަރަކާތްތަކުން ފެންނަނީ އިންތިހާއަށް ހިތްހަމަނުޖެހިފައިވާ ކަމުގެ އަސަރެވެ. އިންތިޒާރުގައި ބޭރުގައި ތިބި މަހުދީއާއި ސައިމަން، އިޔާން ފެނުމާއެކު ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމުގެ ނިޔަތުގައި ނިތް އަރުވައިލިއެވެ. ނަމަވެސް، އެއްޗެއް ބުނުމުގެ ފުރުޞަތު ނުލިބެނީސް ތަޙުޤީޤު ކޮޓަރީގެ ދޮރު އަނެއްކާވެސް ހުޅުވިގެން ދިޔައެވެ. ދެ އޮފިސަރުން ވެގެން ނެރުނީ ބިޑިއަޅުވައިފައި ހުރި ރަވީހެވެ. އޭނާ ދިޔައީ ފުލުހުންގެ އަތްދަށުން ސަލާމަތްވުމަށް ގަދަހަދައި ތެޅިފޮޅެމުންނެވެ. އިޔާން ފެނުމާއެކު ރަވީހު ލޯއަޅައިލި ގޮތުން ހީވީ ހަމަ އެވަގުތު އަނދައި އަޅިއަށް ހަދައިލަން އުޅުނު ހެންނެވެ. އިޔާން ވެސް އޭނާއަށް ދިނީ ފިނި ނަޒަރެކެވެ.
“ކިހިނެތް ވާނީ.. އާދެބަލަ” އިޔާން ދޫކޮށްލީ ފުން ނޭވާއެކެވެ. ސައިމަން އާއި މަހުދީ ގޮވައިގެން އަމިއްލަ ކެބިންއަށް ވަނެވެ.
“މިހިރީ އެ ނައިޓް ކްލަބް ހިންގި ޢިމާރާތާއި އެ ހިސާބުގެ ސީސީޓީވީ ފުޓޭޖްތައް. މިއަދު މީނަ ހައްޔަރުކުރި ހިސާބަށް މަށަށް ބެލިއްޖެ ހައެއްކަ ފަހަރު” އިޔާން ވާހަކަ ދައްކަމުން ޑެސްކްޓޮޕްގެ ސްކްރީން އެ ދެމީހުންނަށް ފެންނާނޭހެން އަނބުރައިލިއެވެ.
“މީނަ މިހާރު ހުރިހާ އިލްޒާމެއް އަޅުވަނީ މާއިންގެ ބޮލުގައި. އިރަމް ބިރުގަންނަވައި އިންޒާރު ދޭން ހުރިހާ ކަމެއް ކުރީ މާއިން ކަމަށް ބުނެ އަނގަފުޅާކުރަނީ. އެކަމަކު މި ފުޓޭޖުތަކުން މިއަދަކު އަދި އިއްޔެއަކު ވެސް މާއިން އެތަނަށް ވަތް ކަމުގެ އެއްވެސް ހެއްކެއް ނެތް. އެއްވެސް ކެމެރާއަކަށް އޭނާ އަރާފައެއް ނެތް. އަނެއްކޮޅުން ހުރިހާ ހެއްކެއް ވެސް ގޮސް ހުއްޓެނީ ސީދާ ރަވީހްއާއި ދިމާއަށް. އިރަމްއަށް ފާރަލައި ފުރައްސާރަކުރީ ވެސް އޭނާ. އެދުވަހު އިރަމްގެ ފޯނު ވަގަށް ނެގީ ވެސް ހަމަ އޭނާ. އަދި މިއަދު އޭނާ އަތުލައިގަތް ވަގުތު ޖީބުން އެ ފޯނު މި ފެނުނީ ވެސް. ދެން ކާކު އޭނާ ދައްކާ ބޭކާރު ވާހަކަ ޤަބޫލުކުރާނީ؟”
އިޔާން ބުނި ފަދައިން، ސްކްރީނުން ފެންނަމުން ދިޔައީ ރަވީހްއާއި އޭނާއާއެކު ހައްޔަރުކުރެވުނު އެހެން މީހުން އެ ޢިމާރާތަށް ވަދެނުކުމެ އުޅޭ މަންޒަރުތައް އެކަންޏެވެ. ޝައްކުކުރެވޭ އެހެން އެއްވެސް އިތުރު މީހެއްގެ ހިލަމެއް ފެންނާކަށް ނެތެވެ. އެ އެންމެންގެ މޫނުތަކަށް ވަކިވަކިން ބަލައި ވީޑިއޯ ދިރާސާކުރަން ތިއްބާ، ކުއްލިއަކަށް ސައިމަންގެ ލޮލުގައި މީހެއްގެ ސޫރަ އަޅައިގަތެވެ. ޔަގީން ކުރަން އެގޮތް މިގޮތައް އެ ބެލިއެވެ.
“އޭތް! މިއީ އެއްކަލަ ފިރިހެން މީހާއެއްނު… އެމީގެ ކޭސްގަ މަގުމަތިން އޭނާގެ ފަހަތުން ފާރަލަމުން އައި މީހާ!” ސްކްރީނަށް ވަރަށް ފުންކޮށް ބަލަން އިނދެފައި ސައިމަން ކުއްލިއަކަށް ގޮވައިލިއެވެ.
އިޔާން އައިސް ސައިމަންގެ ގޮނޑީގެ ފަހަތުގައި ހުއްޓުނެވެ. ސައިމަން ވަގުތުން ވީޑިއޯގެ އެކި ދިމަދިމާލުން އެ މަންޒަރު ޒޫމްކޮށް، އެކި އެންގަލްތަކުން އެ މީހާގެ މޫނު އަނބުރައި ސާފުކޮށްދެމުން އިޔާންއަށް ދެއްކިއެވެ.
ޑެސްކްޓޮޕް ކައިރިން ދުރަށް ޖެހިލިއިރު އިޔާންގެ މޫނުމަތިން ފެންނަމުން ދިޔައީ ބަޔާންކުރަން ދަތި ހާސްކަމެކެވެ. ފުން ވިސްނުމެއްގެ އަސަރެވެ. އެއީ ހަމަ އެ ސޫރަކަން ކިތަންމެހާ ވެސް ބޮޑަކަށް ޔަގީންވެއްޖެއެވެ. އަމީރާގެ އެކްސިޑެންޓުގެ ކުރިން އޭނާއަށް ފާރަލި މީހަކާއި، އަދި އިރަމްއަށް ބިރުދައްކައިގެން ހައްޔަރުކުރެވުނު ރަވީހްއާއި ދެމެދު މިފަދަ ގާތް ގުޅުމެއް އޮތްކަން ހާމަވުމުން، މި ހުރިހާ ނުބައި ޖަރީމާއެއްގެ ފަހަތުގައި ވަނީ އެއް ވިއުގައެއްކަން އޭނާއަށް ފަހުމްވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެހެން ހުއްޓާ އެ ފޮޓޯއަށް ބަލަހައްޓައިގެން ހުރެ އިޔާންގެ ސިކުނޑިއަކަށް ކަމެއް ވަދެއްޖެއެވެ. އެ ފެނުނު މީހާގެ ސޫރަ ކޮންމެވެސް މީހަކާއި ވައްތަރުވީއެވެ. ޖީބުން ފޯނު ނަގާފައި ތަންކޮޅެއް ކުރީން ޒަންޔާ ފޮނުވާފައިވާ މާކިންގެ ފޮޓޯއެއް ހޯދާލިއެވެ. އަލުން ޑެސްކްޓޮޕް ކައިރިއަށް ގޮސް ސްކްރީނުން ފެންނަން އިން މީހާގެ ސޫރައާއި މާކިންގެ ސޫރަ އަޅާ ކިޔާލެވުނެވެ. ވައްތަރެވެ. އެކަމަކު ވައްތަރުވެގެން އޮޅޭވަރެއް ނޫނެވެ.
ނަމަވެސް ދެން ވިސްނަންވީ ކޯއްޗެއްކަން އިޔާންއަށް އެނގިގެން ގޮސްފިއެވެ. އިޔާންގެ ހިތަށް ވަގުތުން ވެރިވެގަތީ އެންމެ ނަމެކެވެ. ޒަންޔާމެންގެ މާޒީއާ ގުޅިފައިވާ، އަދި ޝާއިރާމެންގެ ނުބައި ރޭވުންތަކުގެ އަޑީގައި އުޅޭނެ ކަމަށް ޝައްކުކުރެވެނީ އެންމެ ނަމެވެ. މީގެ ކުރިން ދުވަހަކު ވެސް ލޮލުން ފެނިފައި ނުވި ނަމަވެސް، ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އެ ޚިޔާލަށް ވަރަށް ބޮޑަށް ބާރު އަޅަން ފަށައިފިއެވެ.
“މަ އެބަ އަންނަން ރަވީހްއާއި ވާހަކަ ދައްކާފަ” މަހުދީ ދާން އުޅުމުން އިޔާން އޭނާ ހުއްޓުވިއެވެ.
“ވެއިޓް މަށައް މިހާރު އެހެން އެއްޗެއް ހީވާން ފަށައިފި.. ސައިމަން މިކޮޅުގަ މަޑުކުރާނަން ދޯ މިރޭ؟” އިޔާން އަހާލިއެވެ.
“އާނ، ކޮންމެހެން ވެސް މިރޭ ސްޓޭޝަނުގައި މަޑުކުރަން އެބަޖެހޭ. ރަވީހުގެ ކްލަބުން ފެނުނު ހެކިތަކާއި ފުޓޭޖުތައް އަދިވެސް އިތުރަށް އެނަލައިޒް ކުރަން އެބަހުރި” ސައިމަން ބޯޖަހައިލަމުން ވަގުތުން ޖަވާބު ދިނެވެ.
“އެންމެ ރަނގަޅު، އިއްޔެއިން ސުރެން ނުނިދައެއްނު ތިއުޅެނީ، މަހުދީ ގެއަށް ގޮސް ރެސްޓް ކުރޭ މިރޭ.. މާދަމާ ހެނދުނު އަހަރެމެންނަށް މަހުދީގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ. ދެން މަ އެބަޖެހޭ މިހާރުން މިހާރަށް ވަރަށް މުހިންމު ކަމަކު ބޭރަށް ގޮސްލަން” ސައިމަންއާއި މަހުދީއަށް އިތުރު ސުވާލެއް ކުރުމުގެ ފުރުޞަތު ވެސް ނުދީ، އިޔާން މޭޒުމަތީގައި އޮތް އޭނާގެ ފޯނާއި، މައްސަލައާ ގުޅޭ މުހިންމު ފައިލްތައް ހިފައިގެން އަވަސް ފިޔަވަޅުތަކެއްގައި ކެބިންއިން ނުކުމެގެން ދިޔައެވެ.
ކާރަށް އަރާފައި އިޔާން ގުޅާލީ ވިޝާމްއަށެވެ. އޭނާ ފޯނު ނެގުމާއި އެކު، އެންމެ ފުރަތަމަ ވެސް އެހީ ޒަންޔާ ކޮބާތޯއެވެ. ޒަންޔާ ނިދާފައި އޮތް ވާހަކަ ބުނުމުން އިޔާން އެދެނީ ގޮވާފައި ނެގުމަށެވެ.
“ބްރޯ، އަނެއްކާ ކަމެއް ގޯސްވީތަ؟ ހާދަ ހާސްވެފައޭ ތި ހުރީ؟ ދެންމެއޭ އޭނައަށް ލޯ މަރައިލެވުނީ ވެސް” ވިޝާމްގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު އެކުލެވިގެން ދިޔައެވެ.
“އެކަމަކު ވަރަށް މުހިއްމު، އިޓްސް އެބައުޓް އެމީ” އިޔާން އެންމެ ފަހުން ބުނެލިއެވެ. ވިޝާމް ވަގުތުން މިގޮވަނީއޭ ބުނެ މަޑުކޮށްލަން އެނދުނެވެ. މާ ގިނައިރެއް ނުވެ ޒަންޔާގެ އަޑު އިވުނެވެ.
” ޒަން، އަހަރެން މި ފޮނުވާ ފޮޓޯއަށް ބަލާފަ ބުނެބަލަ އެއީ ކާކުތޯ.. ވަރަށް އަވަސް” އިޔާން ފޮނުވާލީ، އަމީރާގެ ފަހަތުން ޖިނާން އައިސް ހުއްޓާ ކެމެރާއިން ނަގާފައިވާ ސާފު ފޮޓޯއެކެވެ.
“މި… މީ…؟ ކިހިނެއް މި ފޮޓޯ ލިބުނީ؟ މިއީ ކޮންތަނަކުން ނެގި އެއްޗެއް؟”
ޒަންޔާގެ އަޑަށް އައި ކުއްލި ތުރުތުރުން އެކަނި ވެސް، އިޔާންގެ ހިތުގައި އޮތް ބޮޑު ޝައްކު ޔަޤީނަށް ބަދަލުވެގެން ދިޔައެވެ.
“އެއީތަ ޖިނާން؟” އިޔާންއަށް އަހާލެވުނެވެ. ތިންމީހުންގެ މެދަށް ވަނީ ހަމަހިމޭންކަމެވެ.
“ޔާހްހް، އެއީ” ޒަންޔާގެ ޖަވާބު އަހާފައި އިޔާންއަށް ދޫކޮށްލެވުނީ އުދާސީ ނޭވާއެކެވެ. އެންމެ ރަނގަޅޭ ބުނެ ފޯނު ކަނޑާލަން އިޔާން އުޅުނެވެ.
“ވެއިޓް، ކިހިނެތް މި ފޮޓޯ ލިބުނީ؟ އެވެސް އެމީއާއި އެކު-”
“ގައިޒް، ހަބަރެއް ވާނަން.. ބިޒީ ވެއްޖެ” ޒަންޔާ ވާހަކަ ދައްކަ ދައްކާ ހުއްޓާ އިޔާން ފޯނު ކަނޑާލިއެވެ.
މޭގައި އުފެދިފައިވާ ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން، އިޔާން ބޭނުންވީ ހަށިގަނޑާއި ސިކުނޑި ހަމައަކަށް އަޅުވައިލާށެވެ. އިރުކޮޅަކު ދެލޯ މަރައިލައިގެން ކާރުގެ ސީޓުގައި ލެނގިލައިގެން އޭނާ އިނެވެ. ވިޝާމްގެ ފަރާތުން ކަންބޮޑުވުމުގެ މެސެޖުތައް ފުލުފުލުގައި އަންނަމުން ދިޔަ ނަމަވެސް، އެއިން އެއްވެސް މެސެޖަކަށް ޖަވާބު ދިނުމެއް ނެތި، އިޔާން ކާރުގައި މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާއަށެވެ. މެންދަމުގެ ހަމަހިމޭން ވަގުތު ކަމުން މަގުތަކުގެ ޓްރެފިކް ކުޑަވެފައި އޮތުމުން، މާ ގިނައިރެއް ނުވެ އޭނާގެ މަންޒިލަށް ވާސިލްވެވުނެވެ. ގެންގުޅުނު ރަސްމީ ފައިލްތަކާއި ދަބަސް ކާރުގެ ސީޓު ދަށުގައި ރައްކާކުރުމަށްފަހު، ޕާކިން ޒޯނުގައި ކާރު ޕާކުކޮށްފައި އޭނާ ހޮސްޕިޓަލުގެ ތެރެއަށް ވަނެވެ.
އައިސީޔޫގެ ބޮޑު ބިއްލޫރި ދޮރުގެ ކުރިމައްޗަށް އިޔާން ހުއްޓުނުތަން ފެނި، ވެއިޓިންގް އޭރިއާގެ ގޮނޑިބަރީގައި އިން ނަދީމް ތެދުވެގެން އައެވެ.
“ކޮބާ ގަޑިއަށް ތިއައީ.. ދެންމެ ހައިކަލްބެމެންނާއި މަންމަ އެ ނުކުތީ.. އެބައިން އަދި މިނެޓްކޮޅެއް..” އެތެރެއަށް ވަންނަ ފާސް ދިއްކޮށްލަމުން ނަދީމް ބުނެލިއެވެ.
“މަންމަ ކޮބާ؟” މަޖުދާ ފެންނަން ނެތުމުން އިޔާން އަހާލިއެވެ. ރީއާ ހޭލައިގެން ރޯތީ ނީޝަން ގުޅުމުން މަޖުދާ ގެއަށް ދިޔަ ހަބަރު ނަދީމް ދިނެވެ.
“ބައްޕަ ވެސް އަރާމް ކޮށްލަން ދޭ.. އަހަރެން މަޑުކޮށްލާނަން މިކޮޅުގަ” އިޔާން ބުންޏެވެ. އެންމެ ރަނގަޅުކަމުގައި ބުނެ ނަދީމްވެސް ގެއަށް ދިއުމަށް ނުކުންނަން ދިޔައެވެ.
އިޔާން އައިސީޔޫ ތެރެއަށް ވަނެވެ. ފިނިކަމާއި ބޭސްވަހުގެ ތެރެއިން ލާފައި ގޮސް އަމީރާގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އޭނާ އިށީނދެލިއެވެ. ކުރިން ވެސް ފެނުނު ހިތްދަތި މަންޒަރު އަލުން ފެނުމުން މޭގައި އުފެދުނީ ބަޔާންކުރަން ދަތި ރިހުމެކެވެ. މެޝިންތަކުގެ އެހީގައި ފުރާނަ ހިފަހައްޓައިގެން، ޚަބަރު ހުސްވެފައި އޮތް އަމީރާގެ ފިނިވެފައިވާ އަތްތިލައިގައި އިޔާންގެ ދެއަތުން މަޑުމަޑުން ހިފަހައްޓައިލިއެވެ. ކަޅި ކަހާނުލާ އެމޫނަށް ބަލަން އިން އިރު އިޔާންގެ ދެލޮލަށް ބޮނޑިވި ކަރުނަތައް ކޯތާފަތް ތެތްމަންފެށިއެވެ.
“އެމީ… ޕްލީޒް ހޭލަބަލަ… އެމީ ނެތި މި ހިތަށް ކެތެއް ނުވޭ. ވަރަށް ހަނދާންވޭ… ދެން ތި ދެލޯ ހުޅުވާލަބަލަ.. ބޭބީ-” އިޔާންގެ އަޑު ބެދުނެވެ. ގޮނޑިން ތެދުވެ، އަމީރާގެ މޫނާ ގާތަށް ޖެހިލިއެވެ. އަދި އޭނާގެ ފިނިވެފައިވާ ތުންފަތުގައި ލޯތްބާއި ކުލުނުން ފުރިގެންވާ ގޮތަކަށް ބޮސްދިނެވެ. އެވަގުތު އިޔާންގެ ލޮލުން ފުރޭނިގެން ވެއްޓުނު ހޫނު ކަރުނަތިކި ޖެހުނީ އަމީރާގެ ދިގު އެސްފިޔަތަކުގައެވެ. މަޑުމަޑުން ދުރަށް ޖެހިލުމަށްފަހު، އަމީރާގެ އަތް ގެނެސް އަމިއްލަ މޭގައި ޖައްސައި ބާރުކޮށްލެވުނެވެ. އެހަށިގަނޑުގައި ދިރުމެއް ނެތްކަން ހިތް ބުނެލިއިރު، ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވީ އިތުރެވެ.
އެހެން އިންދާ، ކުއްލިއަކަށް އިޔާންގެ މޭމަތީގައި އޮތް އަމީރާގެ އަތްތިލައަށް ކުޑަ ތެޅުމެއް އައިކަން އިޙްސާސްވިއެވެ. އިޔާން ސިހިފައި ބަލައިލިއެވެ. އެފަދަ ކަމެއް ތަކުރާރް ނުވުމުން އެއީ އަމިއްލަ ހިތަށް ހީވި ގޮތެއް ކަމަށް ހީކޮށް، އެ އަތަށް ބަލަހައްޓައިގެން އޭނާ އިނެވެ. ނަމަވެސް، ޖެހިގެން އައި ސިކުންތުގައި އަމީރާ އޭނާގެ ހިމަހޯލި އިނގިލިތައް މަޑުމަޑުން ތަޅުވައިލިއެވެ. އަދި އެއާއެކު، ބަންދުވެފައިވާ އެސްފިޔަތަކަށް ވެސް ކުޑަ ގުޑުމެއް އަރައިގެން ދިޔަތަން އިޔާންގެ ލޮލުގައި ސާފުކޮށް އަޅައިގަތެވެ. ޤަބޫލުކުރަން ދަތިވެފައި، އިޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
****
(ނުނިމޭ)
Soo good shedyy n eyru GE proposal.pls don’t let Jinan do anything n maain vx finally visnuny.awwn ehaa curious kohlaafa nimaaly .whaling for next epp.when will next ep be out.
Dhen nooooooo….. Why ehisaabun thi ninmaalyy??? Like, enme bodah hi thelhen feshi irah e nimunyyy…. 😭😭😭
Finally maain ah ves visnihjje dhw… I’m so happy that he’s doing things to make everything right mihaaru…. Like, it’s great…
That Jinan…. Urgh… Don’t let him do anything to Amy ingey… Like…. Never… 😭
Andd Sheddy and Iru ge proposal…. OMG… ITS SOOO DREAMY… AND…. BEAUTIFUL… LIKE… WOW GIRL…. I CAN SEE THAT TERRACE….. 😍😍😍😭😭
Finally Amy is gonna wake up kanneynge dhw…. Iyaan is gonna be sooooo happy…
Anyways…. Mi part vee varahh reethi, like always….
But Sarah curious kohllaafa ingey thi ninmaalyyy…. 😭😭
When’s next part…??? Curiously, and impatiently waiting for the next part…🫶🏻🫶🏻
why is it so late. Can’t wait anymore
dhen avas kohbala, can’t wait anymore
Aneh part avahah upload kohlaba
When next?????
Inthizaaruge guitar hithu thereygaa…
Curiously waitinggg…
When next????
Inthizaaruge guitar hithu thereygaa..
Curiously waitinggg…………..
vaahaka varah reethi adhi eyhaame dhigu part thakeh eykamaku vaahakaige parteh kiyaalan libey iru onnanee vaahakai vamun ai kihineh kan neygay varah hadhaan neythivefa eyhaaves lahun parteh kiyaalan libenee
When next???????
Inthizaaruge guitar hithu thereygaa….
When r u gonna up the nxt ep????