މި ޖިސްމުގާ ވަނީ 50 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 50

އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު މީރާން އިސްއުފުލާލަމުން، ކުށްވެރިއެއް ފަދައިން އިސްޖަހައިގެން ހުރި އިރަމްގެ މޫނަށް ބަލައިލިއެވެ. ހުރިހާ ސިއްރެއް ފަޅާއަރައިފިކަން އެނގުމުން، އިރަމް އިތުރަށް ގަދަހަދާކަށް ނޫޅުނެވެ. ވަރުދޫވެފައިވާ ހަށިގަނޑާއިއެކު ކައިރީގައި ހުރި ގޮނޑީގެ ތެރެއަށް ވެއްޓިގަތެވެ. ދެއަތުން މޫނު ފޮރުވާލަމުން ގިސްލައި ރޯން ފެށިއިރު، މުޅި ކާކޮޓަރީގެ ތެރެއަށް ފެތުރިގެން ދިޔައީ ހިތް ފަޅައިގެންދާ ފަދަ ވޭނީ އަޑެކެވެ.
***
މީރާންގެ އަތް ލަސްލަހުން ތިރިކޮށްލެވުނެވެ. ދެން ބަލައިލެވުނީ ގިސްލާ ރޮމުން ދިޔަ އިރަމްގެ މޫނަށެވެ. އެހިނދު ރުއިމުގެ ސަބަބުން ތުރުތުރު އަޅަމުން ދިޔަ އިރަމް ފެނި ކުށްވެރިކަމުގެ އިހްސާސްއިން އޭނާ ވަށާލިއެވެ. ހިތައް ވެގެން ދިޔަ އުނދަގޫ އިން ތުންފަތުގައި ބާރަށް ދައިގަނެވުނެވެ. އެދިޔަ ބާރު މިނުގައި ގޮސް އިރަމްގެ ގައިގާ ނުހަނު ބާރަށް ބައްދާލެވުނެވެ. ހަށިން ވަރުނެތިފައިވާ ހާލު އިރަމް އަށް މީރާންގެ މޭގައި ލައްވެލެވުނެވެ. އެއްޗެއް ބުނަން ނުހަދާ ހަމައެކަނި އިރަމްގެ ބޮލުގައި ފިރުމާލަ ފިރުމާލަ މީރާން މަޑުމަޑުން އިނީ އިރަމް ހަމަޖެހެލުވުމުން ނޫނީ، އޭނާ ކުރާ ސުވާލަކަށް ވެސް ޖަވާބު ނުދެވޭނެކަން ދަނެގެންނެވެ.
އިރުކޮޅެއްގެ ހަމަޖެހުމަކަށްފަހު އިރަމް ބޯ ހިއްލާލިއެވެ. އޭރު ދޮން މޫނުމަތިވަނީ މިލާ ފޮއްސިވެފައެވެ. ދެލޯ ވެސް ނުހަނު ރަތެވެ. ކާމޭޒުމަތީގައި ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނެގުމަށްފަހު އިރަމްގެ އަތައް މީރާން ލައްވާލަދިނެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ އިރަމް އިސްވެ ވާހަކަ ދައްކަންދެންނެވެ.
“މިހާރު އެގިއްޖެ އެއްނު ސަދަފްއާއި ދުރުވާން މަޖުބޫރުވީ ކީއްވެކަން” އިރަމްގެ އަޑު ނުކުތީ ނުހަނު މަޑުންނެވެ. އިސްޖަހައިލައިގެން އިން އިރު ނޭފަތް ދަމަމުން ދާ ގޮތުން އަދި ވެސް ރޯކަން ހެކިދެއެވެ.
“އެކަމަކު، މީހެއް އެހީއަކަށް-”
“މީހެއްގެ އެހީއަކަށް؟ އެފޮޓޯ ހިފައިގެން؟ ސީރިއަސްލީ މީރާން، އަހަރެންމީ އެންމެ ކުޑަމިނުން ކަކުލުން މައްޗަށް ހުންނަ ކުރު ހެދުމެއް ތިމީހުންގެ ކުރިމަތީގަ ވެސް ހުންނަ މީހެއް ނޫން.. މީރާންއަށް ވެސް ފެނުނު ފުރަތަމަ ފަހަރު އެއީ މިކަހަލަ ގޮތަކަށް.. ކިހިނެތް ދާނީ؟ ކާކު ރޯންގު އައިޑިއާއެއް ނުނަގާނީ މީގެން؟” އިރަމް ބުނެލިއެވެ. އަޑު ކުރެހެމުންދާ ކޮންމެ ފަހަރަކު ހިންދިރުވާލަނީ އިތުރު ކަރުނައިގެ ކޯވަރެއް ބޭރުކޮށްލަމުންނެވެ.
“އެޓްލީސްޓް ދޮންތަ ނޫނީ މަންމަ ކައިރީގަ ވެސް؟ ދިސް އިޒް އިންސޭން! އެމީހަކަށް މި ފޮޓޯ ކިހިނެތް ދިޔައީ؟” އިރަމްގެ އަތުގައި ހިފާލަމުން މީރަން ވާހަކަ ދެއްކިއެވެ.
“ދާން ނުކެރުނީ، މަންމަމެން ހީކޮށްފާނެ އެއްޗެއް ވެސް ނޭނގޭ.. މީރާން، އަހަރެންނަކަށް ވެސް ނޭނގޭ މި ފޮޓޯ އެމީހުންނަށް ދިޔަ ގޮތެއް… މިއީ އެމީ އައުމުގެ ކުޑަ ދުވަސްކޮޅެއް ކުރީގެ ކަމެއް.. ދޮންތައާއި ނީޝްއާއި ތިންމީހުން މިގޭ ޓެރެހަށް ވާރެއާއި ތެމެންވެގެން ނުކުމެފަ، އެދުވަހު ސަކަރާތުގަ އުޅެފަ ނެގި ފޮޓޯއެއް.. މީގަ އަސްލު އިންނާނެ ނީޝް ވެސް .. އެކަމަކު އެމީހަކު އެއިނީ ނީޝް އިން ސައިޑް ކްރޮޕް ކޮށްލާފަ.. އެކުވެރިއަކަށް ވެސް ފޮޓޯއެއް ފޮނުވާނީ މިކަހަލަ ގޮތަކަށް ގޭގެ މީހެއްގެ ކައިރީގަ ވެސް އުޅޭ ނަމައެއްނު.. އަހަރެންމީ ކުރިން ކުއްޖަކާ ވެސް ރައްޓެހިވީ މީހެއް ނޫން.. ގައިމުވެސް ސަދަފް އަކަށް ނުފޮނުވަން.. ދެމީހުން ރައްޓެހިވި އިރު އެ ފޯނުވެސް ނޯންނާނެ ފެންނާކަށް” ވާހަކަ ދައްކަމުން ދިޔަވަރަކަށް އިރަމްއަށް ދިޔައީ ރޮވެމުންނެވެ. ހާއްސަކޮން ސަދަފްގެ ނަމާއިއެކު އަނގައިން ގިސްލުމުގެ އަޑު ބޭރުވަމުން ދާންފެށިއެވެ. މީރާން ގާތުގައި ހޭހަންކުރަން އިން އިރު އިރަމްއާއި މެދު ހިތް ހަމްދަރުދީން ފުރުނެވެ.
“އެ ފޯނޭ ؟ ކޮން ފޯނެއް؟” އިރަމްގެ ވާހަކައިން ފާހަގަވެގެން މީރާން ސުވާލު ކޮށްލިއެވެ.
“އަހަރެން ކުރިން ގެންގުޅުނު ފޯނު.. އެ ފޯނު ގެއްލުނީ ރަވީހް އަހަރެންނާއި ބެހެން އުޅުނެއްނު ދުވަހެއް ދޯ، އެދުވަހު.. އެތަނުން ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ނެތް.. ސަދަފް އެއްނު ގެންދިޔައީ ، އޭނަ ކުރެން ވެސް ދޮންބެ ކުރެންވެސް އެހިން ފޯނު ދުށިންތޯ.. އެމީހުން ވެސް ނުދެކެކޭކަމަށް ބުނީ..” ޖަވާބުގައި އިރަމް ބުންޏެވެ.
އިރަމްގެ ވާހަކައިން މީރާންގެ ސިކުނޑީގައި ރިއްސާލިއެވެ. އެކަމާއި ވިސްނާލަން މަޖުބޫރުވިއެވެ. ކުރިން ގެންގުޅުނު ފޯނުވިއްޔާ އޭގެ ހުރި އެއްވެސް މައުލޫމާތަކީ މިހާރު އިރަމް ގެންގުޅޭ ފޯނުން ފެންނަން ހުންނާނެ އެއްޗެއް ނޫނެވެ. އެއިން އެއްޗެއް ނެގޭނެ ގޮތެއް ވެސް ނެތެވެ.
“އަނެއްކާ ކިޑްނެޕާރގެ ކަމެއް ބާ؟ ރަވީހް.. އޭނަ ސަލާމަތްވި ވާހަކަ ދޮންބެ ބުނި.. އޯހް ނޯ، ލަސްނުކޮށް ދޮންބެ ކައިރިއަށް ދާންވީ..” މީރާންއަށް ހިތާހިތާ ކިޔާލެވުނެވެ. ރަވީހްގެ ނަން ހަނދާނަށް އައުމާއި އެކު ހިތުގައި ކުޑަ ބިރުވެރި ކަމެއް އުފެދިގެން ދިޔައެވެ. ވި އެންމެ އަވަހަކަށް ބޭނުންވީ އިޔާންއަށް އެހަބަރުދޭށެވެ. އިރަމްއަށް ބިރު ދައްކަނީ ކާކުކަން ނޭނގޭ ހިނދަކު ހިތައް ދެން ހަމަޖެހުމެއް ނުލިބޭނެއެވެ.
“މީރާން މިކަން އަދި ސިއްރުކޮށްދީ.. އަހަރެން ކައިރީގަ ބުނެފަ އެއޮތީ އެންމެ މީހަކަށް އެނގުނަސް މުޅި ދުނިޔެއަށް އެ ފޮޓޯ ދައްކާނެ ވާހަކަ.. އެއްވެސް ކުށެއް ނުކުރާއިރު ކޮންފަދަ ބޮޑު އިމްތިހާނެއް” އަނގަމަތީގައި އަތްއެޅުނު ގޮތައް އިރަމްއަށް އަނެއްކާވެސް ގިސްލެވެން ފެށުނެވެ. އެންމެ ހިތައް ތަދުވަނީ ކުށަކާއިނުލާ ސަދަފްގެ ހިތުގައި ވެސް ޖެއްސޭތީއެވެ. އިންތިހާއަށް ސަދަފް ދެކެ އިރަމް ލޯބިވާ ނަމަވެސް، ތޫފާނަކާއި ޖެހި އޭނާގެ އެ ލޯބިވެތި ދިރިއުޅުން އެފުށް މިފުށަށް ޖެހޭ މަންޒަރު މިއަދު މިވަނީ ދެކެން ޖެހިފައެވެ.
“ޓްރަސްޓް މީ، ދެރަގޮތެއް ނުވާނެ .. މިކަމާ މިއުޅެނީ.. ކުޑު ބޭނުމިއްޔާ އިހަށް ދޮންބެ ކައިރީގަ ނުބުނެ އެކަނިން މަސައްކަތް ކޮށްލާނަން ކާކުކަން ދެނެގަނެވޭތޯ” މީރާން ބުނެލިއެވެ. އިރަމްގެ ވާހަކައަށް ދެކޮޅުވެ އިޔާންއަށް ކިޔައިދޭނަމޭ އޭނާގެ ކުރިމަތީގައި ބުނެފިނަމަ އިރަމް ދެކޮޅުހަދާނެކަން މީރާންއަށް ޔަގީނުން ވެސް އެނގޭތީ، އެހެން ނުބުނެ އޭނާ ބެލީ ވީ އެންމެ އަވަހަކަށް އެކަމާއި އުޅެވޭތޯއެވެ. އިރަމް ބޯޖަހައިލިތަން ފެނި މީރާން ތެދުވެލިއެވެ.
“ކުޑޫ، ސޮރީ ވަރަށް ބޮޑަށް އެހެން ވާހަކަ ދެއްކުނީ.. ވަރަށް ދެރަވެގެން އޭނަ ކީމަ އަހަރެންނަށް ވެސް ނުހުރެވުނީ.. ވަރަށް ބޮޑަށް ސޮރީ” ހަގީގަތުގައިވެސް މީރާން ހުރީ ދެރަވެފައެވެ. އިރަމްއާއި ދިމާލަށް އެހެން ވާޙަކަ ދެއްކުނީތީ ލަދުވެސް ގަތެވެ. އިރަމް ދެފަރާތައް ބޯހޫރުވާލަމުން ކަމެއް ނޫނޭ ބުނެލިއެވެ. ރީއާގެ އަޑު ދުރުން އަހާފައި މީރާން ބޭރަށް ނުކުތެވެ. ހޮސްޕިޓަލަށް ދާން އުޅެފައި ވެސް އިޔާން އަންނާނެ އިރެއްގެ އިންތިޒާރުގައި ގޭގައިމަޑުކޮށްލީ އިރަމްއަށް ވެފައި ހުރިގޮތުން ގެއިން ބޭރަށް ނުކުންނަން ނުކެރިގެންނެވެ.
****
އިޔާންއަށް އިނދެވުނީ ނިދި ޖެހިފައެވެ. ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑުއަހާފައެވެ. ގޮނޑީގައި ލެނގިލައިގެން އިނދެވުނު ގޮތުން ކަރަށް ހުރީ އުނދަގޫ ތަދެއް އަރާފައެވެ. އަތުގެ ނުފުށުން އަނގަމަތި ސާފުކޮށްލަމުން އިޔާން ބަލައިލީ އޭނާގެ ކުރިމަތީގައި ހުއްޓުނު ޑޮކްޓަރާއި ނަރުހުންގެ މޫނަށެވެ. އެމީހުން ފެނުމުން ދުރުގައި ހުރި ގޮނޑިތަކުގައި މަޑުކޮށްލައިގެން ތިބި ޔުމާންއާއި ނާޔާ ވެސް އައިސްފިއެވެ.
“ޑޮކްޓާރ ކިހިނެތްތޯ އަމީރާގެ ހާލު؟” އިޔާންއަށްވުރެން ކުރިން ސުވާލުކޮށްލީ ޔުމާންއެވެ. ޑޮކްޓާރުގެ ތުންފަތުގައި ދުވެލި ހިނިތުންވުމުން ތިންމީހުންގެ މޫނުތަކުގައިވި ހާސްކަން ކޮންމެވެސް ވަރަކަށް ފަނޑުވިއެވެ.
“އަލްހަމްދުލިއްލާހް، ޕޭޝަންޓް މިހާރު ނުރައްކަލުން ބޭރުވެއްޖެ… ފުރަތަމަ ސާޅީސް އަށް ގަޑިއިރަށްފަހު، އަނެއްކާވެސް އަޅުގަނޑުމެން އިތުރު ބާރަ ގަޑިއިރު ޕޭޝަންޓް މޮނީޓާކުރީ އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވާތީ. މިހާރު ސިކުނޑީގެ ދުޅަ ކޮންޓްރޯލް ކުރެވި، ލޭގެ ޕްރެޝަރު ވެސް ވަނީ ހަމައަކަށް އެޅިފައި. ދެން އިތުރަށް އެއްޗެއް ބުނަން އެނގޭނީ ޕޭޝަންޓް ހޭއެރުމުން ބަލާފަ. މި ވަގުތަށް ބަލާއިރު ޕޭޝަންޓްގެ ހާލަތު ސްޓޭބަލް، އެކަމަކު ހޭ އަރާނެ ވަކި ވަގުތެއް އަދި ބުނެލަން ދަތި…ދިހައެއް ޖެހުމުން ބަލާލަން ވަދެވޭނެ” ޑޮކްޓަރުގެ ތުންފަތްމަތީގައިވި ހިނިތުންވުމުން އެ ތިން ޒުވާނުންގެ ހިތަށް ބޮޑު ތަސައްލީއެއް ލިބުނެވެ. އެ އުފާވެރި ޚަބަރާއެކު ދޫކޮށްލެވުނީ ހަމަޖެހުމުގެ ފުން ނޭވާއެކެވެ. ޑޮކްޓަރު ދިއުމާއި ނަރުހުން އިތުރު މައުލޫމާތު ދެމުންދިޔައެވެ.
“ޕޭޝަންޓް މިވަގުތު ވެސް ބާއްވާލެވިފަ އޮތީ އައިސީޔޫގައި. ހޭއެރުމުން ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްދެވޭނެ…އައިސީޔޫގެ ގަވާއިދު އޮންނަ ގޮތުން އެތެރެއަށް ވަދެވޭނީ ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ކަމަށްވާތީ، ކައުންޓަރަށް ވަޑައިގެން ފާސް ހޯއްދަވާ. އެތެރެއަށް ވަދެވޭނީ ފަހަރަކު ބޭފުޅަކަށް”
އިޔާން އަވަސް އަވަހަށް ބޯޖަހައިލިއެވެ. އެތައް ގަޑިއިރެއްގެ ނުތަނަވަސްކަމަށްފަހު، އަމީރާގެ ހާލަތު ރަނގަޅުވާނެކަމުގެ ފެހި ސިގްނަލް ލިބުމުން އިޔާންގެ ހިތް އުފަލުން ފުރުނެވެ. ލޮލަށް ޖަމާވީ އުފާވެރިކަމުގެ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. އަލުން ގޮނޑީގައި އިށީންދެލިއިރު އޭނާގެމަގަތުގައި ޔުމާންވެސް އިށީންދެލިއެވެ. ދެމީހުންގެ ވެސް ހާލަތު ހުރީ ދާދި އެއްގޮތަކަށް ކަމުން ހިތްވަރު އާކޮށްދިނުމުގެ ގޮތުން އެކަކު އަނެއްކަކަށް ބަހެއް ވެސް ބުނާނެ ވަރެއްނެތެވެ.
“ދެ ފާސް ލިބިއްޖެ.. އެކަމަކު، ދޭތި އޮތަސް ފަހަރަކު މީހަކަށް ވަދެވެން އިނީ..” ނާޔާ އައީ ކައުންޓަރަށް ގޮހެވެ. އޭނާ އެތަނުން އެއް ފާސް ދިއްކޮށްލީ އިޔާންއަށެވެ. އަނެއް ފާސް ދިއްކޮށްލީ ޔުމާންއަށެވެ.
އޭގައި ހިފާފައިވެސް އިޔާންއަށް ޔުމާންގެ މޫނަށް ބަލައިލެވުނެވެ. އެ ނަޒަރު ފަހުމްވީ ކަންނޭގެއެވެ. ލުއި ހިނިތުންވުމަކަށްފަހު އެތެރެއަށް ވަންނަން ދާށޭ ބުނާފަދައަކަށް އޭނާ ބޯޖަހައިލިއެވެ. ލިބުނު ހިތްހަމަޖެހުމާއި އެކި އިޔާންއަށް ދޫކޮށްލެވުނީ ފިނި ނޭވާއެވެ. އެތެރެއަށް ވަންނަ ވަގުތު ޖެހުމުން، ދޮރުން ބޭރަށް ނަރުހަކު ބޯ ދިއްކޮށްލި މަންޒަރު ފެނުމުން އިޔާން ހިނގައިގަތެވެ.
އައިސީޔޫގެ ފިނިކަން ގަދަ، ބޮޑު ދޮރު ހުޅުވާލުމާއެކު އިޔާންގެ ނޭފަތުގައި ޖެހުނީ ބޭސްވަހާއި ‘އެންޓިސެޕްޓިކް’ގެ ތޫނު ވަހެވެ. މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ބިރުވެރި ހިމޭންކަމެކެވެ. އެ ހިމޭންކަން މުގުރާލަމުން ދިޔައީ ހިތުގެ ވިންދު ބަލާ މޮނީޓަރުން ކެނޑިނޭޅި އިވެމުންދިޔަ ތޫލި ބީޕް އަޑާއި، ވެންޓިލޭޓަރުގެ އަޑެވެ. ފިޔަވަޅުތައް އުފުލަން ދަތިވެފައިވާ ހާލު، ތުރުތުރުލަމުން ދިޔަ ފައިން ކުރިއަށް ހިނގައިގަތް އިޔާންގެ ނަޒަރު ހުއްޓުނީ އެނދުމަތީގައި އެއްވެސް ހަރަކާތެއް ނެތި އޮތް އަމީރާއަށެވެ.
އެ މަންޒަރު ފެނުމާއެކު އިޔާންގެ ހިތް ކުދިކުދިވެގެން ދިޔަ ކަހަލައެވެ. އެނދުގެ ވަށައިގެން އެތައް މެޝިނަކާއި، އެކި ދިމާލުން ގުޅާފައިވާ ހޮޅިތަކުގެ ތެރޭގައި އެ ނިކަމެތި ހަށިގަނޑު ވަނީ ވަށާލެވިފައެވެ. ނޭވާލާން އަނގަޔަށް ލައްވާފައިވާ ބޮޑު ހޮޅީގެ ސަބަބުން، އަބަދުވެސް ހިނިތުންވުމުން ފުރިފައި ހުންނަ އެ ރީތި ތުންފަތް ވަނީ ބަންދުވެފައެވެ. ނިތްކުރީގައާއި ކޯތާފަތުގައި އެޅިފައިވާ ނޫފައިގެންފައިވާ ޒަޚަމްތަކާއި، ބޮލުގައި އޮޅާފައިވާ ހުދު ބެންޑޭޖުން ލޭގެ ކުލަ ފާއްދާލާފައި ހުއްޓެވެ. ދެއަތަށް ގުޅާފައިވާ އައިވީ ކެނިއުލާތަކާއި، މޭމަތީގައި ތަތްކޮށްފައިވާ ވިންދު ބަލާ ވަޔަރުތަކުގެ މެދުގައި، ކުރިން ދިރުން ހުރި އެ މައުސޫމް ސޫރަ މިއަދު ފެންނަނީ މަރުފަދަ ހުދުވެ، ފަނޑުވެފައިވާ ތަސްވީރެއްގެ ގޮތުގައެވެ.
އިޔާން މަޑުމަޑުން ގޮސް އެނދުގެ އަރިމަތީގައި ހުއްޓިލިއެވެ. ދެލޮލަށް ޖަމާވި ކަރުނަތަކުގެ ސަބަބުން ކުރިމަތީގައިވާ މަންޒަރު ފުސްވެގެން ދިޔައެވެ. ދުވަހަކުވެސް ނުދެކޭ ފަދަ ނިކަމެތި ހާލެއްގައި، މެޝިންތަކުގެ އެހީގައި ފުރާނަ ހިފަހައްޓައިގެން އޮތް އަމީރާ ފެނުމުން އިޔާންގެ މުޅި ވުޖޫދު ތަޅުވައިގަތެވެ. އޭނާގެ ތުރުތުރުލަމުން ދިޔަ އަތްތިލަ މަޑުމަޑުން ގެންގޮސް އަމީރާގެ ފިނިވެފައިވާ މަޑު އަތްތިލައިގެ މަތީގައި ބާއްވާލިއެވެ. އެއާއެކު ކޮންޓްރޯލުން ނެއްޓި، ކޯތާފަތް މައްޗަށް ހޫނު ކަރުނަތިކިތައް އޮހިގަތެވެ.
“އެމީ…” އިޔާންގެ އަޑު ބޭރުވީ ކިރިޔާއެވެ. އެ އަޑުގައިވީ ހިތްފަޅައިގެންދާ ފަދަ ވޭނާއި އާދޭހެވެ. “ބަލާބަލަ އަހަންނާ ދިމާލަށް… ޕްލީޒް، ލޯ ހުޅުވާލަބަ..”
އަމީރާގެ ފަރާތުން އެއްވެސް އިޖާބައެއް ނުލިބުނެވެ. އެ މޭމަތި މައްޗަށް އަރައި ތިރިވަމުން ދިޔައީ މެޝިނުގެ ބާރުގައެވެ. އިޔާން ދެކަކޫ މައްޗަށް ތިރިވެ، އަމީރާގެ އަތްތިލަ ގެނެސް އޭނާގެ މޭގައި ޖައްސާ ބާރުކޮށްލިއެވެ. އަދި ނިތްކުރި އަމީރާގެ އަތްމަތީގައި ޖައްސާލައިގެން އިންދާ ގިސްލައި ރޯން ފެށުނެވެ. ކޮންމެ ސިކުންތަކީ އޭނާގެ ހިތް ކޮށައި ކުދިކުރަމުން ދިޔަ ވަގުތެކެވެ. މުޅި ދުނިޔެ ބަދަލުވެގެން ދިޔަޔަސް، އަމީރާގެ ފުރާނައަށްޓަކައި އޭނާގެ ފުރާނަ ގުރުބާން ކުރަން ވެސް އިޔާން ތައްޔާރެވެ.
އެގޮތުގައި ބައި ގަޑިއިރު ހޭދަ ވެގެން ދިޔައިރު ވެސް ރެއަކާއި ލާގޮތެއް ނުވިއެވެ. އިޔާންއަށް ހޭވެރިކަން އައީ ނާޔާ އެތެރެއަށް ވަދެ ގޮވާލުމުންނެވެ.
“އިޔާ، އެބަތިބި މަންމަމެންނާއި ދޮންތަބެ މަންމައާއި ބައްޕައާއި ވިޝާމްމެން ވެސް އައިސް.. އެމީގެ ފްރެންޑްސް ވެސް.. ގަޑި އިރެއް ދިނީ މިހާރު ބައިގަޑި އިރު ބާކީ.. ފަހަރަކު ކުއްޖަކަށް ވަދެލެވޭނީ އަވަހަށް ނުކުތީމަ.. ހުރިހާ އެންމެން ވެސް ވަރަށް ދެކިލަން ބޭނުންވެފަ މިހާރު ތިބޭނީ” ނާޔާ އެވާހަކަ ދެއްކީ ހިތާ ދެކޮޅަށެވެ. އޭނާ ވެސް ބޭނުންވަނީ ވީހާ ވެސް ގިނައިރު އަމީރާގެ ގާތުގައި އިޔާން ބެއިންދުމެވެ. އެ ހާލަތުގައި އަމީރާ އޮއްވާ އެތަނުން ދާން އިޔާން އެއްގޮތަކަށް ވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ވަގުތު ކުޑަތަން ވެގެން ދިޔުމުން އޭނާއަށް މަޖުބޫރުވީއެވެ. އިޔާންގެ ބޮލުގައި ނާޔާ ނުހަނު ލޯބިން ފިރުމާލިއެވެ. މަޑުމަޑުން ބޯޖަހާލާފައި އިންތަނުން ތެދުވެލަމުން ދެލޯ ފުހެލިއެވެ.
“އަޕްޑޭޓެއް ލިބުނުހާ އަވަހަކަށް ގުޅާލަ.. ރީއްކޮ ކޮބައިތޯ ގެއަށް ގޮސްލަންވެގެން” އިޔާން ބުނެލިއެވެ. އޭނާގެ އަޑުވެސް ކުރެހިފައިވާގޮތުން ނާޔާ ވެސް ދެރަވިއެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން ގެއަށް ގޮސް އަރާމުކޮށްލަން ބުނެލިއެވެ.
އިޔާން ނުކުތުމުން ފަހަރަކު މީހަކު ވަންނަމުން ގޮސް އެންމެ ފަހުން ތިބީ ވިޝާމްއާއި ހައިކަލްއެވެ. އޭރު ގަޑީގެ ބާކީ ފަސްމިނެޓް އިނުމުން، ނަރުހުންގެ ގާތު އިތުރު ވަގުތުކޮޅެއް ލިބޭތޯ ވަރަށް ކިޔައިގެން ދެމީހުންނަށް އެކުގައި ވަދެވޭނެ ގޮތް ހަމަޖެހުނެވެ.
އަމީރާގެ އެނދުގެ މަގަތުގައި ހުއްޓުނު ހިނދު ދިއްކޮށްލެވުނު އެންމެ ފުރަތަމަ ނަޒަރާއި އެކުވެސް ހައިކަލްގެ ދެލޮލުން ކަރުނައިގެ ކޯވަރުތައް ބަންޑުން ވާން ފެށިއެވެ. ލޯބިވާ ދަރިފުޅު އެފަދަ ނިކަމެތި ހާލަތެއްގައި ވީތަން ދެކެން ޖެހުމުން ހައިކަލްގެ މެޔަށް އަރައިގެން ދިޔައީ ތޫނު ތަދެކެވެ. މޭގައި އަތް އަޅާލައިގެން ހުރެވުނީ އަމީރާގެ މޫނަށް ބަލަހައްޓައިގެންނެވެ. ކަރުނަތައް ފުހެލަން ވެސް ނޭނގިފައެވެ.
“ދަރިފުޅާ، އަމީ” ތުރުތުރު އަޅަމުން ދިޔަ ދެތުންފަތުގެ ދޭތެރެއިން ދެ ލަފުޒު ނުކުތީ ބޭއިޙްތިޔާރުގައެވެ. ގާތުގައި ވިޝާމް ހުރިކަމެއް ހައިކަލްއަށް އިހްސާސް ނުވާ ކަހަލައެވެ.
ހައިކަލްއަށް އަންނަމުން ދިޔަ ބަދަލާއިއެކު ހައިރާންވެފައި ހުރި ވިޝާމްއަށް ބޮޑު ސިހުމެއް ލިބިގެން ދިޔައީ އެދެލަފްޒުންނެވެ.
“ބައްޕާ، ކީކޭ؟ ދަރިފުޅު؟ އަމީ؟” ލޯ ބޮޑުކޮށްލައިގެން ހުރެ ފަހަރަކު ބަހެއް ސުވާލެއް ފަދައިން ވިޝާމް ކޮށްލިއެވެ. ފެންކަޅިވެފައި ހައިކަލް ބޯޖަހައިލިއެވެ.
”އާންން، އެއި ބައްޕަ އަންހެން ދަރިފުޅު.. އެކަން އެނގެއެންނު.. ބައްޕައަށް ހުރިހާ ކަމެއް ވެސް އެނގޭ، ނޭނގެނީ މިހެން ދިމާވި ސަބަބެއް” ހައިކަލް މޫނު ފުހެލިއެވެ. ގާތްވެ އަމީރާގެ ނިތުގައި ނުހަނު ލޯބިން ބޮސްދިނެވެ. އެހިނދު ހައިކަލްގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް އަމީރާގެ ބޮލުގައި އަޅާފައިވާ ހުދު ބޭސް ފޮތިގަނޑަށް ފޭދުނެވެ.
ވަގުތު ހަމަ ވެއްޖެ ކަމަށް ބުނެ އެތެރެއަށް ވަތް ނަރުސް އަންހެންކުއްޖާގެ އަޑަށް ވިޝާމްއަށް ލިބިފައި ސިހުމުން އަރައިގަނެވުނެވެ. ހައިކަލް މޫނު ފުހެލަމުން ބޭރަށް ނުކުންނަން ދަމުން ވިޝާމްއަށް ބަލައިލިއެވެ. ބޭރަށް ނުކުމެފައި ވެސް އާމިލާއާއި އެކު ހައިކަލް ގެއަށް ދިޔުމުން ވިޝާމްއަށް ވާހަކަ ދައްކާލެވޭ ގޮތެއް ނުވިއެވެ.
****
އިޔާން އެނބުރި ގެއަށް އައިއިރު ފުރަތަމަ ވެސް ބައްދަލުވީ ލިވިންގްރޫމު ސޯފާގައި އިން މީރާންއާއެވެ. މީރާން ފެނުމުން އިޔާން ނިތް އަރުވާލީ ރީއާ ކޮބައިތޯ އަހާފަދައަކުންނެވެ. ވަކި އެއްޗެއް ނުބުނެ ކޮޓަރިއަށް އިޝާރާތް ކޮށްލިއެވެ.
“ކަމެއް ގޯސްވީތަ؟” މީރާންގެ މޫނުމަތި ހުރިގޮތުން އަހާލެވުނެވެ. އޭނާ ބޯޖަހާލަމުން އެދުނީ އިޔާންގެ ބަޔަށް ދިއުމަށެވެ.
“މެސެޖު ވެސް ކޮށްފިން.. ކޮންތާކަށްތަ ފޯނު ލައިގެން ތިއުޅެނީ؟” އިޔާންގެ އެޕާޓްމަންޓުގެ ދޮރުން އެތެރެ ވެވުމާއި އެކު މީރާން ވާހަކަ ދެއްކިއެވެ. އިޔާން ފޯނު ނަގައި ބަލާލީވެސް އެހެން ބުނުމުންނެވެ. އޭރު މީރާންގެ ދެތިން މެސެޖަކާއި ކޯލްތައް އައިސްހުއްޓެވެ.
“ނޭނގޭ ގުޅިކަމެއް، ކުޑަކޮން ނިދިފަ އިނީ .. ފަހުން އެމީ ކައިރިއަށް ވަދެވޭ ގޮތް ވުމުން ވަދެފަ ހުއްޓަ އެހެރީ ގުޅާފަ” ފޯނު ޖީބަށް ލަމުން އިޔާންގެ ވަރުބަލިވެފައިވާ ހަށިގަނޑު ސޯފާއަށް ދޫކޮށްލިއެވެ.
“ދައްތަ ކިހިނެތް؟ ރަނގަޅުތަ؟”
“ކުރިއެރުން ލިބޭ ކަމަށް ބުނި” އިޔާން ބުނެލިއެވެ.
“ވަރަށް އެހެން ކަހަލަ ކަމެއް ކުޑޫއަށް ވެގެން މިއުޅެނީ” މީރާން ފުރަތަމަ ވެސް ބުނެލީ އެހެންނެވެ.
“ކޮން؟ ކޮންކަހަލަ ކަމެއް؟ މީހަކު އެއްޗެއް ބުނީތަ؟” އިޔާންގެ ނިތައް ރޫތަކެއް އަރައިގެން ދިޔައެވެ.
“އާންން، އޭނައަށް ކޮންމެސް ވެސް މީހަކު ބިރުދައްކާ އެބަ..” މީރާންގެ އެޖުމްލައިން އިޔާންއަށް ބަލައިލެވިއްޖެއެވެ. އިށީންދެ އިން ސޯފާއިން ތެދުވެވުނެވެ. އިޔާން ސުވާލެއް ކުރުމުގެ މީރާން ކިޔައިދިނެވެ. ސަދަފްގެ ކޯލްތަކާއި މެސެޖްތަކަށް އިރަމް ޖަވާބެއް ނުދީ އަދި ބައްދަލުކޮށްލަން އައުމުން ވެސް ނުފެނިގެން ސަދަފް އެވާހަކަ މީރާން ގާތު ދެއްކި ވާހަކަ ބުންޏެވެ.
“މަހެއް ވެއްޖެއޯ ކުޑޫ އެހެން ހަދާތާ.. ގެއަށް އައިސް ގުޅިއަސް ނުނިކުމޭ.. ދެން އެކަހަލަ ގޮތަކަށް ދިޔައީ.. ދެން ކުރީ ރޭ ނީޝް ނިދަ ނިދާފަ ހޭލިތަނާ ކުޑޫ ކޮންމެވެސް މީހެއްގެ ކޮންވޯއަށް ވަދެގެން އިނީ… ދެލޯ ވެސް ވަރަށް ރަތޯ.. ދެން އޭރު އެއްވެސް ވާހަކަ ސަދަފްބެ ވެސް ނެތް ކިޔާފައެއް.. އިއްޔެ އެހެން ކީ.. ދެން ރޭގަ ނީޝް ކައިރީގަ ބުނިން މިރޭ ނުނިދާ މަޑުކޮށްލާށޭ ކުޑޫ ހަދާ އެއްޗެއް ބަލަން.. ނީޝް އޮތީ.. ކުޑޫއަށް އެމީހަކު މެސެޖު ކުރީމަ ކޮޅަށޯ ޖެހުނީ.. ވަރަށް ގިނައިރު ރޯން އިނޯ.. ދެން މިއަދު ހެނދުނު ސަދަފްބެ މެސެޖުކޮށްފަ ބުނި ކުޑޫ ބުންޏޯ އިޓްސް އޯވަރ އޭ..ދެން-” އޭގަ ފަހުން ގަދަ ބާރު ބޭނުންކޮށްގެން، އިރަމްގެ ފޯނުން މީރާން އެ މެސެޖުތައް ބެލި ވާހަކައާއި ފެނުނު ފޮޓޯގެ ވާހަކަ ބުނެދިނެވެ. އަދި އިރަމް ދެއްކި ވާހަކަ ވެސް ކިޔައިދިނެވެ.
“ވަޓްޓް! ފޮޓޯ؟” އެ ވާހަކަތައް އިވުނު ހިނދު އިޔާންގެ މޫނަށް ވެރިވީ އަލިފާން ކުލައެވެ. ރުޅި ގަދަވިވަރުން ދެލޮލުން ހީވީ ކަނި ބުރައިގެން ދާހެންނެވެ.
“ދޮންބެ ބުނީމެންނު އެދުވަހު ކުޑޫގެ ފޯނު ގެއްލިގެން ހޯދިވާހަކަ.. ކުޑޫ ބުނި ސަދަފްބެ ވެސް ބުނިކަމަށް އެއްވެސް ފޯނެއް ނުފެންނަ ވާހަކަ.. ދެން ކިހިނެތް ބަ އެމީހަކަށް އެ ފޮޓޯ އެދިޔައީ؟” މީރާންވެސް ދިޔައީ ވިސްނަމުންނެވެ.
“ތިކަމާ މި ވިސްނަނީ، އެދުވަހު ހެކި ހޯދަން ވެގެން ފުލުހުން ވަރަށް މަސައްކަތްކުރި .. ފޯނުގެ ވާހަކަ އިރޫ ބުނީމަ، ދޮންބެ ވެސް ފަހުން ސީންއަށް ދިޔަ ފުލުހުންނާއި އެކު ގޮސް ވެސް ވަރަށް ބެލިން.. އެބުނާހެން ހަމަ ނުފެނުނު..” އިޔާން ހާސްވެފައި އިނދެ ބުނެލިއެވެ.
“އަނެއްކާ ރަވީހްބާ؟ އޭނަ މިނިވަންވި އެންނު.. އެންމެ ފުރަތަމަ ވެސް އަހަރެންގެ ހިތައް އެރީ އެހެން” މީރާން ބުނެލިއެވެ. އެހިނދު އިޔާންއަށް ތެޅިގަނެވުނެވެ. މީރާންގެ އެވާހަކަ ތަކުން އިޔާންއަށް އެކަމާއި ވިސްނާލަން މަޖުބޫރުވިއެވެ. މީރާން އެބުނާހެން ރަވީހް ވަނީ މިނިވަންވެފައެވެ. އެދުވަހު އިރަމްއާއި ބެހެން މަސައްކަތްކުރި މީހަކީވެސް އޭނައެވެ. ވީމާ އިތުރު މީހަކަށް ޝައްކެއް ވެސް ކުރެވޭކަށް ނެތެވެ. އިޔާން ފޯނު ނަގައި ގުޅާލީ މަހުދީއަށެވެ.
“ކޮބާ، އޮފީހުގަ؟ އޯކޭ، އިންފޯމް ކޮށްލާ ސައިމަން އާއި ޒޯގެ ބަދަލުގަ ޓީމަށް އަލަށް ޖޮއިންވި ކުއްޖާއަށް ވެސް ދޭއް ޖަހާއިރު މީޓިންއަކަށް.. އެބަދަން” ގަޑި ބަލާލަމުން އިޔާން ބުނެލިއެވެ.
“މީރާން މަޑުކޮށްލާ އިނގޭ ގޭގަ.. ހޮސްޕިޓަލަށް ދާން އުޅޭނެ ކަމެއްނެތް، އެމީ ހޭ ނާރަނީސް.. ރަނގަޅަށް އިރޫއަށް ބަލާތި.. ކަމެއް ގޯސްވަންޏާ ގުޅާ” އިޔާން ދޮރުން ނުކުމެލާފައި ބުނެލިއެވެ. މީރާން ބޯ ޖަހާލިއެވެ.
****
ރޭގަނޑަށް ކެއްކުމުގެ މަސައްކަތުގައި ބަދިގޭގައި އަވަދިނެތި އުޅުމަށްފަހު ލައިލާ ކޮޓަރިއަށް ވަނީ ފެންވަރާލުމަށެވެ. އޭނާ ހުރީ ނުހަނު ބޮޑަށް ދާހިއްލާ ފޯވެފައެވެ. އެރޭގެ ކެއުމަށް ޒަންޔާއާއި ވިޝާމް ގެއަށް އަންނާނެ ވާހަކަ ބުނީއްސުރެން އޭނާ ދިޔައީ ޒަންޔާއަށް މީރު ހުރިހާ އެއްޗެއް ތައްޔާރު ކުރަމުންނެވެ. ގޭގައި މަސައްކަތު މީހުން ތިބި ނަމަވެސް، ވީވަރަކުން ބަދިގޭގެ ކަންކަން އެމީހުންނަށް ދޫކޮށްނުލައި، އަމިއްލަ އަތުން ކޮށްދިނުމަކީ ލައިލާގެ އާދައެކެވެ.
“ޒާހިރު، ކޮން އިރަކު އައީ؟ މީނަ ގެއަށް ވަންނަ އިރެއް ނުކުންނަ އިރެއް މިހާރު ނޭނގެ” އޮފީހުން އައި ގޮތަށް އެނދުގައި އިށީނދެ އިން ޒާހިރު ފެނި ލައިލާ ބުނެލިއެވެ.
“ވަރަށް މުހިންމު ފައިލެއް ހިފައިގެން މިއައީ. އަލަމާރިއަށް ލާފައި އަވަހަށް ނުކުންނަން ކަމަށް މިއުޅުނީ. އެކަމަކު ލައިލާގެ ފޯނަށް މީހަކު މާވަރަކަށް ގުޅާތީ މި ބަލައިލީ” ލައިލާގެ ފޯނު ޒާހިރު ދިއްކޮށްލިއެވެ.
“ކާކު؟ ޗާޖު ނެތީމަ ބާއްވާފަ މިދިޔައީ” އޭގަ ހިފަމުން ލައިލާވެސް ބުނެލިއެވެ.
“ލިއޯ.. އޭނަވީމަ އެހެންވެ އަހަރެން މިގުޅަނީ.. ދެ ފަހަރަށް ގުޅިއްޖެ އަދި ފޯނު ނުނަގާ…އަނެއްކާ ހޫގޯގެ ހަބަރެއް ލިބުނީތަ؟” ޒާހިރު ލިއޯގެ ނަން ބުނުމާއެކު ލައިލާގެ ހަރަކާތްތައް އަވަސްވެގެން ދިޔައެވެ. އިތުރު ކަމަކަށް ސަމާލުކަން ނުދީ އޭނާ އެނދުގައި އިށީނދެ، ވަގުތުން ލިއޯއަށް ގުޅައިފިއެވެ.
”އެމީ އެކްސިޑެންޓްވެގެން އުޅުނު ދުވަހު ލިއޯ ގުޅިއޭ.. އޭގެ ފަހުން ކަންކަން ވެގެން ދިޔަ ގޮތުން އަދި އެވާހަކަ ދައްކާނުލެވި މިއޮތީ.. މަޑުކުރޭ، އެ ނެގީ ލިއޯ.. ހެލޯ” ޒާހިރްއާއި ވާހަކަ ދައްކަން އިންދާ ލިއޯ ފޯނު ނެގުމުން ލައިލާގެ ހުރިހާ ސަމާލުކަމެއް ލިއޯއަށް ދިނެވެ.
“ލައިލާ ދައްތާ! ޖިނާން މާލެ ދިޔަ ވާހަކަ ކުރީ ދުވަހު ގުޅާފަ އަހަރެން ބުނީމެއްނު؟ އޭނާ އެކުގައި އެ އުޅެނީ ކުރިން ވެސް އޭނާ ގެންގުޅުނު ގޭންގާއި އެއްކޮށް. ހޫގޯ މިހާރު ގާތްކޮށްގެން މިގެއަށް ގެނެސްގެން އުޅޭ އެކުވެރިޔާއާ ދެމީހުން ދެއްކި ވަރަށް ނުރައްކާތެރި ވާހަކަތަކެއް އަހަންނަށް އަޑުއިވިއްޖެ.. އަހަރެން ހުންނާނެ ރެކޯޑް ކޮށްފަ. މި ކަންތައް މިހާރު ދަނީ ވަރަށް ގޯސް މިސްރާބަކަށް. އަހަރެން މި ފޮނުވާ ރެކޯޑިންގް އަޑުއަހާލާފައި ވަގުތުން ގުޅާލާތި! ވީހާވެސް އަވަހަކަށް ގޮތެއް އެބަ ޖެހޭ ނިންމަން!” ލިއޯ ކަންބޮޑުވުމާއެކު ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި ފޯނަށް އޯޑިއޯ ފައިލް ލިބިއްޖެއެވެ. ޒާހިރު އެ ރެކޯޑިންގް އަޅުވާލުމާއެކު، ދެމީހުންގެ ހުރިހާ ސަމާލުކަމެއް އެއަށް ހުއްޓުނެވެ.
ސްޕީކަރުން ފުރަތަމަ ވެސް އިވުނީ ހޫގޯގެ ވިހަގަދަ، ބަރު އަޑެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ ސްޕެއިން ބަހުންނެވެ. އެއަޑުން އެކަނިވެސް ލައިލާގެ މުޅި ނަފްސަށް ނުބައި އުނދަގުލެއް ވިއެވެ.
“ޖިނާން މިހާރު އެދިޔައީ… ދިޔަ ފުރަތަމަ ދުވަހު ވެސް ގޮސް އެ އަމީރާ ބިރުގަންނަލި ގޮތައް، އެކްސިޑެންޓް ވެއްޖެ. ހަހަހަ! އަދިވެސް އަމީރާއާ ގުޅިގެން އުޅޭ ފުލުސް އޮފިސަރަކަށް ޖިނާންގެ ވަނަވަރެއް ނުހޯދޭ. އޭނާ އެ އުޅެނީ އާޝިއުއާ އެއްކޮށް ހުރިހާ ކަމެއްގަ ވެސް ވަރަށް ފޯރީގަ. އަމީރާ ހޮސްޕިޓަލުން ނެރޭހާ އަވަހަކަށް އޭނާ ވަގަށް ނަގައިގެން ކައިވެނި ކުރާނެ ވާހަކަ ވެސް ޖިނާން ބުނި! އޭގެ ކުރިން ޖިނާން މާލޭގަ އުޅޭކަން ލައިލާއަށް އެނގިއްޖެއްޔާ ވަރަށް ގޯސްވާނެ! ޖިނާން ޔަގީންކަން ދިން އެކަން އަދި ލައިލާއަށް އެނގުނަކަ ނުދޭނަމޯ، އެހެންވެ ހިތްހަމަ ޖައްސާލައިގެން މިހުންނަނީ!”
“ހަހަހަ! ޝާއިރާމެންނަށް ހުރިހާ މޮޅެއް މި ލިބެނީނު… އެކަމަކު މާކިން ހޭއަރައިފިތަ؟” ހޫގޯގެ ގާތުގައި އިން އޭނާގެ ބައިވެރިޔާ އަހައިލި އަޑު އިވުނެވެ.
“ނޫނޭ، އޭނާ އަދި ހެއެއް ނާރާ.. އޭނާ ކައިރީގަ އިންނަ ޝާއިރާގެ ދަރިފުޅު އެ އުޅެނީ މާކިންގެ ހާލަތު ރަނގަޅުވަމުންދާ ޚަބަރު ޝާއިރާއަށް ސިއްރުކޮށްގެން. ޝާއިރާއަށް އެނގިއްޖެއްޔާ އެ އެނގުނީ މަށަށްކަން އެނގޭތީ، ކުޑަ އިބިލީސް އެ ޚަބަރު ފޮރުވައިގެން ލައްކަ ދުވަހު އުޅެފި. އެކަމަކު ޑޮކްޓަރު މެދުވެރިކޮށް މަށަށް އެ ހަބަރު ލިބިއްޖެ. އަހަރެން ޑޮކްޓަރަށް އަންގައިފިން އޭނާ ހޭއެރިޔަ ނުދޭށޭ. ކޮންމެވެސް ނުރައްކާތެރި ވައްތަރެއްގެ އިންޖެކްޝަންތަކެއް ޖަހައިގެން ވިޔަސް ހާލަތު ގޯސްކޮށް ބޭއްވޭނެއެއްނު. މަ ބޭނުންވަނީ ލައްކަ ތުރާ އޭނާގެ ހަށިގަނޑަށް ކުރަން.. މަރާލަން ވެސް ބޭނުމީ ހިތް ފުރެންދެން އަނިޔާ ދީފަ، ކުރުކޮން ބުނާނަމަ އޭނަ ކުރި ކުށުގެ ބަދަލު މިދެނީ!..ދެތިން ފައިސާފޮތި އެއްލީމަ ޑޮކްޓަރުން ވެސް ގަނެލެވޭނެ. ޑޮކްޓަރު އެއްބަސްވި!” އެއްވެސް ޖެހިލުމެއް ނެތި ހޫގޯ ބުނެލިއެވެ.
“އެއީ ކީއްވެ؟ ހޫގޯ، ބަލަ ކަލެއެއްނު ބުނީ އެއީ ކަލޭގެ އަމިއްލަ ދަރިއެކޭ! ކިތަންމެ ދެކޮޅުވިޔަސް މާ ބޮޑުވަރެއް ނުކުރާނަމޭ ބުނީމެއްނު؟ މިހާރު ވެސް އެ އޮތީ ކޯމާއެއްގަ. ހާލަތު ގޯސްކުރަން އިންޖެކްޝަން ޖަހަންޏާ އޭނާ މަރުވެދާނެއެއްނު؟” އެކުވެރިޔާގެ އަޑުގައި ނުތަނަވަސްކަން ވިއެވެ. އެވާހަކަތަކަށް ހޫގޯ ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ.
” ހަހަހާ! މަރާލަން ޖެހިއްޖެއްޔާ މަރާ ވެސް ލާނަން! ކަލެއަށް އެނގޭތަ މާކިން ކުރި ކަންތައް؟ އެ ދުވަހު މިގެއިން އަމީރާއާއި ލައިލާގެ ދޮންދަރި ސަލާމަތްކޮށްގެން ނެރެގެން ދިޔައިރު، އޭނާ ގެންދަން އުޅުނީ ހަމައެކަނި އެމީހުންނެއް ނޫން. އަހަރެންގެ އެންމެ ބޮޑު ސިއްރު… މި ހުރިހާ މުދަލާއި، ވިޔަފާރީގެ ކަޅު ލިޔުންތައް. އެކި މީހުން މަރަން ހަދާފައި ހުރި އެގްރީމެންޓްތަކުގެ ހެކިތައް. ފުލުހުންނާ ހަމައަށް ގޮސް އަހަރެންގެ ބާރުން ހުއްޓުވާފައި ހުރި ކޭސްތަކުގެ ރެކޯޑްތައް. ނުވިތާކަށް ޑްރަގު ޑީލަރުންގެ އެގްރީމެންޓްތަކާއި އެމީހުންގެ ފައިސާގެ ސްލިޕްތައް.. ނުވިތާކަކަށް އަމީރާ ވިއްކާލާފަ، އަހަންނާއި ޝާއިރާއާއި ދެމެދު ވެވުނު އެއްބަސް ވުން ވެސް އިންނާނެ އޭގަ.. އަހަންނަށް މޮޔަކަމުން އެ ހުރިހާ އެއްޗެއްގެ ވާހަކަ ބުނެވުނީ ޖިނާންއާއި މާކިން ހުއްޓާ. ޖިނާން ދެކޮޅު ނުވާނެކަން އެނގޭ އަބަދުވެސް.. މާކިން ވެސް އެވަރު ކަމެއް ކޮށްފާނެ ކަމަކަށް އޭރަކު ހިޔެއްނުކުރަން. އެކަމަކު އޭނާ ފާރަލައިގެން އެ ހުރިހާ ޑޭޓާއެއް އަޅާފައި ހުރި ޕެންޑްރައިވް ވަގަށް ނެގީ. އެ ހިފައިގެން އޭނާ ފިލަން އުޅުނީ.” ހޫގޯ ބުނެލިއެވެ.
“އެކަމަކު މާކިން އެކަން ކުރިތާ ވެސް އަހަރެއް ވެއްޖެއެއްނު؟ ކުރިން އެހާ ހެޔޮ އެދިފަ މިހާރު ކުއްލިއަކަށް-” އެކުވެރިޔާ ހައިރާންވެފައި ހުރެ އަނެއްކާވެސް ސުވާލުކޮށްލިއެވެ. ހީވާގޮތުން ހޫގޯ ދައްކަމުން ދިޔަ ވާޙަކަ އަދިވެސް އޭނާއަށް ސާފެއް ނުވެއެވެ. އޭނާގެ ވާހަކަ ފުރިހަމަ ނުވަނީސް ހޫގޯ އެވާޙަކަ މެދުކަނޑާލާފައި ވާހަކަ ދައްކަންފެށިއެވެ.
“ކަލެއަށް ހީވޭތަ މިކަން ކުރިން އެނގުނު ނަމަ އަހަރެން އޭނާއަށް ހެޔޮއެދޭނެހެން! މާކިން އެކަނި އެކަން ކުރީއެއް ނޫން. ޖިނާން ފުރުމުގެ ދެދުވަސް ކުރިން މަށަށް އެނގުނީ، މާކިން ފައިސާ ދީގެން އެހީ ހޯދީ މިތާގަ މަސައްކަތުގަ އުޅުނު އޭނާގެ ދެ އެކުވެރިންގެ ފަރާތުންކަން. ޖިނާން ހުރިކަން ނޭނގި، މާކިން މަތިން ހަނދާންވާ ވާހަކަ ދައްކަނިކޮށް އެ ދެމީހުން އަތުލައިގަތީ. ބަޑި ޖައްސައި ބިރުދެއްކީމާ އެމީހުން ހުރިހާ ވާހަކައެއް ކިޔައިދިން. އެ ޕެންޑްރައިވް އަހަރެންގެ ސިއްރު ކޮޓަރިން ނަގަން މާކިންއަށް އެހީވީ އެމީހުން.. އަންހެންކުދިންތައް ގޮވައިގެން މާކިން ނުކުމެގެން ދޮރާ ހަމައަށް ދާންދެން ނުރައްކަލެއް އާދޭތޯ އެމީހުން ދުރުން ގާޑުކުރި ކަމަށް އެއްބަސްވި.. ވަގުތުން އެ ދެމީހުން މަރާލައިފިން! ހަގީގަތް އެނގުނީމަ، އަހަރެމެން އެ ދުވަހުގެ ސީސީޓީވީ ވެސް ބެލިން. މާކިންގެ ގަޔަށް ބަޑިޖެހި ސަރަހައްދުން ޕެންޑްރައިވެއް ނުފެނޭ. ކެމެރާއިން އެހާ ކުދި އެއްޗެހި ސާފުނުވިޔަސް، އެ އެތި ވީ ކޮންމެވެސް އެހެން ތަނެއްގަ. އެހެންވީމާ މާކިންއަށް ދެން ސަލާމަތްވުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ!” ހޫގޯގެ ކޮންމެ ބަހެއްގައި ވީ ބިރުވެރި ޔަގީންކަމެކެވެ.
“މިބުނިހެން އެ ހަގީގަތް އެނގުނު ދުވަހު އެ ދެމީހުން މަގޭ އަމިއްލަ ދެއަތުން މަރާލާފައި، ވަގުތުން ޑޮކްޓަރަށް ގުޅައިގެން މާކިންގެ ހާލަތު ބެލިން.. އޭނާގެ ފުށުން އެނގުނީ މާކިން ރަނގަޅުވަމުން އަންނަކަން.. އެހެންވެ ދެން އަހަރެން އެންގީ އޭނާއަށް ތުރާކޮށް ހާލަތު ގޯސްކުރަން…ދެން ޖިނާން އެ ފުރައިގެން ދިޔައީ އޭނާގެ މަސައްކަތައިގެން” ހޫގޯ އިތުރުކޮށްލިއެވެ.
އެއަށްފަހު، ހޫގޯގެ އެކުވެރިޔާ ވެސް އެ ނުބައި އަމަލުތަކަށް އެއްބަސްވެ، ހިތްވަރުދީ ވާހަކަ ދައްކަން ފެށިއެވެ. އޯޑިއޯ ރެކޯޑިންގް ކެނޑިގެން ދިޔައީ އެމީހުންގެ އަމިއްލަ ވާހަކަތަކެއް ފެށުނު ހިސާބުންނެވެ.
ލަސްލަހުން ފޯނު ލައިލާގެ އަތުން ދޫވެގެން ދިޔައެވެ. ގިނައިރުތަކެއް ނުވެ ކޮޓަރީގައި ހިފާލީ ބާރު ރުއިމުގެ އަޑެވެ. މާކީންގެ ނަން ހިތައް އެރުމާއި އެކުވެސް ލައިލާއަށް ކެތެއް ނުވިއެވެ. މޭގައި ހިފާލީ ތޫނު ރިހުމެކެވެ. ޒާހިރްގެ މޭގައި ބޮނޑިކޮށްލިއިރުވެސް އޭނާއަށް ރޮވެމުން ދިޔައެވެ. އަމިއްލަ ދަރިއަކަށް އެފަދަ ނިކަމެތި ހާލެއް ބަޔަކު ޖައްސަން އުޅޭ ހަބަރު އެއިވުނީ އޭނާގެ ކަންފަތަށެވެ. ހިތްވަރުކުރަން ބޭނުން ވީނަމަވެސް އެކަން ކުރާނީ ކިހިނެތް ހެއްޔެވެ. އެފަދަ ނިކަމެތި ހާލެއްގައި އެ ދަރިފުޅު އެހާ ދުރުގައި މިޙާރުވެސް އޮންނައިރު މައިލަގޮނޑިއަށް ކެތްވަނީއެއް ނުނެވެ. ފޯނުގެ ލޮކުސްކްރީނުގައި އިން މާކީންގެ ފޮޓޯއަށް ދެވުނު ނަޒަރާއި އެކު، އެ ފޮޓޯއަށް ބަލަން ނުކުޅެދިގެން ކަރުނަތަކާއި އެކު ދެލޯ މަރާ ފިއްތާ ބާރުކޮށްލެވުނެވެ.
“ލައިލާ ކެތްތެރިވޭ، އަހަންނަށް އެނގޭ ތިހިތައް ކެތްތެރިވުމަކީ މިވަގުތައް އެންމެ އުނދަގޫކަންތައް ކަން ވެސް.. އެކަމަކު ވެސް އުއްމީދު ކަނޑާނުލާ މަސައްކަތް ކުރަމާ.. ލިއޯ ބުންޏެއްނު ގުޅަންދޯ؟ ހީވަނީ ލިއޯއަށް ކަމެއް ކޮށްދެވެން އިނީހެން” ހިތްވަރުދޭން ޒާހިރް ކިތަންމެ ބޭނުންވީ ނަމަވެސް އެހާ ބޮޑަށް ލައިލާ ދެރަވެފައި އިނުމުން ބުނާނެ އެކަށީގެންވާ ބަހެއް ދުލަކަށް ނައެވެ. އޭނާގެ މޭގައިވެސް ވަނީ ވޭނެއް އުފެދިފައެވެ.
އިރުކޮޅަކު ޒާހިރް އެގޮތަގައި ހޭހަންކޮށްދިނުމުގައި އުޅެނިކޮން ލައިލާ ހަމަޖެހިލިއެވެ. ލިއޯއަށް ގުޅާ ވާހަކަ ބުނުމުން ބޯޖަހައިލިއެވެ. ލައިލާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ގަޔަށް ލަފާލައިގެން އިނދެ ޒާހިރް އަލުން ލިއޯއަށް ގުޅިއެވެ.
“ދައްތާ އަހަރެން ވިސްނައިފިން ގޮތެއް، އެކޮޅަށް ދާން.. މާކް ކައިރިއަށް ދާން” ލިއޯ އެންމެ ފުރަތަމަވެސް ބުނީ އެހެންނެވެ.
“މްމްމް، އެގޮތް އޮތީ.. ހޫގޯ އެބުނާ ޕެން ޑްރައިވްގައި ހުރި ހުރިހާ އެއްޗެއް އަހަރެމެން އަތުގައި ނެތް ނަމަވެސް .. އޭނާގެ ބައެއް ޖަރީމާތަކުގެ ހެކިތައް އެބަހުއްޓެއްނު ލިއޯ އަތުގަ ވެސް… އެ ހިފައިގެން ވީ އެންމެ އަވަހަކަށް އެކޮޅަށް ދާންވީ.. ރާއްޖެ އާދެވުނީމަ ނޫނީ އެއްވެސް ހެއްކެއް ލީކް ނުކޮށްލާތި.. އެހެން ނޫނީ އަހަންނަށް އަހަރެންގެ ދަރި ގެއްލިދާނެ.. މިކަމުގައި އުޅެނިކޮން އަހަންނަށް ލިއޯ ވެސް ގެއްލިދާނެ.. އަދި އެއްވާހަކަ ލަންޑަންއަށް ދާނީ އެނބުރި ސްޕެއިން އަށް ނުދާ ގޮތައް ތައްޔާރު ވެގެން އިނގޭ” ލައިލާ ވާހަކަ ދެއްކިއެވެ.
“ލައްބަ ދައްތާ، އެހެންވީމަ އަހަރެން ވީ އެންމެ އަވަހަކަށް ދާނަން.. ހީވަނީ މާދަމާ ހެނދުނު ހެން އިންނާނީ އަވަހަށް ވެސް ފްލައިޓެއް.. އޭގެ ކުރިން އެބަ ޖެހޭ ކަމެއް ކުރަން.. ޒަންޔާ އާއި އަމީރާ ކުރެން ސުވާލު ކޮށްލަބަލަ އެއްވެސް ޕެންޑްރައިވްއެއް މާކް ގެންގުޅެނިކޮން ދެކުނިންތޯ.. އޭރުން މިހުރިހާ ކަމެއް ނިމުނީ.. އެންމެ ފުރަތަމަ އަމީރާ ސްޕެއިންގެ ހޮސްޕިޓަލުގައި ހޭ އެރި ހިނދު އަމީރާގެ އަތަށް ވެސް ލިއުމެއް ދިޔަ ވާހަކަ ބުނީމެންނު ދޯ..އެއީ ހަމައެކަނި މުއްދަތެއް ނެތް ގޮތައް ހޫގޯއާއި، އަމީރާ ހަވާލުކޮށްފަ އޮތްކަން އަންގައިދޭ ލިއުމެއް.. ޝާއިރާ އެކަން ކުރިކަން ދޭހަވާ އެއްވެސް މައުލޫމާތެއް އެޔަކު ނީންނާނެ… އެކަމަކު މާކް ގެންދިޔަ ޕެންޑްރައިވްގަ އޮތް ހޫގޯ އެބުނާ އެއްބަސް ވުމަކީ، އޭނާއާއި ޝާއިރާގެ ހުރިހާ މައުލޫމާތަކާއި އެކު ދެމީހުންގެ ސޮއިތަކާއި ފޮޓޯއާއި އެކު ހިމަނައިގެން އެމީހުން ހަދާފަ އޮތް ލިއުމެއް.. ހޫގޯ ބުނާ ގޮތުންނަމަ ޝާއިރާ ދުވަހެއްގެ ކޮޅުން ވެސް އޭނާއަށް ކެހިދީފި ނަމަ ނެރެން އޮތް ހަތިޔާރޯ އެއީ..ހޫގޯ އުއްމީދުކޮށްގެން އެހުންނަނީ އޭނާ ބެދުނަސް ސަލާމަތް ވެވޭނެކަމަށް ، އޭނާގެ އެކުވެރިން މެދުވެރިކޮށްގެން.. އެކަމަކު އާމިލާ މެންނާއި ހަމަ އެ ލިއުން ގޮސްފިއްޔާ ޝާއިރާއަށް ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނީންނާނެކަން ހޫގޯ ދަނޭ…މި ވާހަކަތައް ވެސް އެމީހުންދެއްކި.. އަހަރެންގެ ފޯނު ނިވިގެން އިތުރަށް ރެކޯޑެއް ނުކުރެވުނު” ލިއޯ ބުނެލިއެވެ. ލައިލާއަށް ދޫކޮށްލެވުނީ ފިނި ނޭވައެކެވެ. ހާލަތުގެ ގޮތުން އަމީރާއާއި ވާހަކަ ނުދެއްކުނު ނަމަވެސް ޒަންޔާއާއި ސުވާލު ކުރާނެ ވާހަކަ ލައިލާ ބުނެލިއެވެ. ލިއޯވެސް އެއްބަސްވިއެވެ. ވީ އެންމެ އަވަހަކަށް އެކަން ކުރަން އަޒުމް ކަނޑައަޅާފައި ލައިލާއާއި ޒާހިރް ވެސް ފޯނު ބޭއްވިއެވެ.
“ލައިލާ،މިހާ ހިސާބަށް މިކަން ދިޔައީމަ އަހަންނަށް ދެން ފެންނަނީ ހައިކަލް އާއި އާމިލާއަށް މި ހުރިހާ ސިއްރެއް ކިޔައިދެން.. މިބުނީ ޖިނާންގެ ވާހަކައާއި އެމީއަކީ އެމީހުންގެ އަންހެން ދަރިފުޅުކަން އަންގަން.. ކީކޭ ބުނަނީ؟” ޒާހިރް ބުނެލީ ވިސްނުންތެރިކަމާއި އެކުގައެވެ. ހިޔާލަކަށް އެދުމުން އެހެން ފަހަރު ތަކާއި ހިލާފަށް ލައިލާ މިފަހަރު ދެކޮޅެއް ނުވިއެވެ. އެ ޖުމްލަތަކުން ލައިލާ ދޫކޮށްލީ ނުތަނަވަސް ނޭވާއެކެވެ.
“ލައިލާއަށް ވެސް އެނގެއެންނު އެމީގެ އެކްސިޑެންތު ހިނގި ގޮތް…އެ ދުވަހު އެމީގެ ބޮލަށް ހުރިހާ ކަމެއް ޖަހާލައިގެން އެކަން ކުރީ ޝާއިރާގެ ދޮށީ ދަރި ކަމަށް ޝައްކު ކުރެވޭތީ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގަ..” ލައިލާ އެއްޗެއް ނުބުނުމުން ދެން ވެސް ވާހަކަ ދެއްކީ ޒާހިރެވެ. “އެ މަންހާއެއް ކިޔަވާފަ ހުރީ އޮފީސް ދާއިރާއިން.. އޭނަ ބަދިގެއިން ވަޒީފާ ހޯދަން އުޅުނީމަ އެންމެ ފުރަތަމަ ދުވަހު ވެސް ހައިކަލްއަށް ޝައްކުވެގެން އުޅުނު …އަހަރެންނާއި ނަދީމް ގޮވައިގެން ކޮފީއަކަށް ގޮސް އެވާހަކަ ކި.. ބުނި އެމީ އާއި ފާޑަކަށް ޖެހިގަނެގެންނޯ މި މަންހާ އުޅެނީ.. އެހެންވީމަ ޔަގީނުންވެސް އެބަ އެނގޭ އެހާ މޮޅަށް ކިޔަވާފަ ހުރި މީހަކު އެތަނަށް ބޯ ކޮށްޕާލާނީ ކަމެއް އިނީމަކަން..”
“ތިބުނީ ހަމަ ތެދެއްތަ؟ މަންހާ ދޯ އެހެންވީމަ އޭގެ އަޑީގަ ވެސް އެހުރީ..ޕިސް ޕިސް، މަށައް ޔަގީން އެ ޝާއިރާ މާ ދެރަވެގެން ކަމަށް ހެދިގެން މިހާރު އޮންނާނީ އާމިލާ ކައިރީގަ މަންހާ ނެރޭށޭ ކިޔާ ގޭމްއެއް ކުޅެފަ… މަކަރުވެރި ސުންޕާ ނުބައި އަންހެނެއް އެއީ…އަޅެ، މިހާ ދުވަސް ވީއިރުވެސް އެ ޖަނަވާރު ޝާއިރާގެ ވިހަކަން ހަމަ އާމިލާއަށް ނޭނގުނޭދޯ! އެމީ ހޭ އަރާއިރަށް އެކުއްޖާއަށް ޖިނާންއާއި މަންހާއާއި ޝާއިރާ ވެގެން ހަދާނެ ގޮތެއް ވެސް ނޭނގޭ، ޒާހިރު ތިބުނާހެން އަހަންނަށް ވެސް ފެންނަނީ ވީ އެންމެ އަވަހަކަށް ހައިކަލް މެންނަށް މިކަން އަންގަން.. “ލައިލާ ބުންޏެވެ. އެ ޖަވާބުން ޒާހިރްގެ މޫނުމަތި އުޖާލާވިއެވެ. ކުޑަގޮތަކަށް ހީލަމުން ބޯޖަހައިލިއެވެ.
“އެހެންވީމަ މާދަމާ ރޭ އެދެމަފިރިންނަށް ދައުވަތު ދޭންވީ ކެއުމަށް… އަދި އެގޭ އެހެން ކުދިންނަށް ވެސް.. ލައިލާ، ލިއޯ އެބުނަނީނު ކުރީ ދުވަހު ގުޅި ވާހަކަ؟” ހަނދާންވެގެން ޒާހިރު އެހިއެވެ.
“އާންން، އެމީ އެކްސިޑެންޓު ވެގެން ހޮސްޕިޓަލަށް ދާން އުޅުނު ދުވަހު ގުޅި ލިއޯ.. ބުނި ޖިނާން މާލެ ގޮސްފިއޭ… އޭނާ ހުންނަނީ ޝާއިރާގެ ފިރިމީހާ އާޝިއުގެ ގޭގަ ކަމަށްވެސް ލިއޯއަށް އެނގިގެން ކިޔައިދިން.. ދެންބުނި ކޮންމެވެސް ބޮޑުކަމެއް ވާން އެބައުޅޭ ކަންނޭގެއޭ، ހޫގޯ ވަރަށް ފާޑަކަށޭ މިހާރު އުޅެނީ.. ދެން އަހަރެން ބުނިން ފާރަލާން.. އޭނަ އެގުޅީ ފާރަލާފަ ހަގީގަތް ހޯދާފަ.. ” ލައިލާ ކިޔައިދިނެވެ.
****
ދޮރުގައި ޓަކި ޖަހަމުން ދިޔަ އަޑު އަހާފައި މީރާން ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރި ސަދަފް ފެނި މީރާންގެ ހިތައް އުނދަގޫވިއެވެ. ރަތްވެފައި ދެލޮލުން އެކަނިވެސް ސަދަފްގެ ހާލަތު އިޙްސާސްވިއެވެ.
“ކޮބާ؟” މަޑުމަޑުން ސަދަފް އަހާލިއެވެ.
މީރާން އިޝާރާތް ކޮށްލީ އިރަމްގެ ކޮޓަރިއަށެވެ. ސަދަފް އަންނަ ވާހަކަ މެސެޖަކުން އަންގާލާފައި އޮތުމުން މީރާން ހުރީ ތައްޔާރު ވެގެންނެވެ. އިރަމް ނިދާފާނެހެން ހީވާތީ ރީއާ އާއި ނީޝަން އެކޮޓަރިއަށް ލައިގެން މީރާން އުޅޭތާ މިހާރު އިރުގަނޑެއް ވެއްޖެއެވެ.
ސަދަފް އެތެރެއަށް ވަނީ ޓަކި ނުޖަހައެވެ. އޭރު އިރަމް ބެލްކޮނީގައި ކޮންމެވެސް މީހަކާއި ފޯނުން ވާހަކަދައްކާ އަޑު އިވެމުން ދިޔައެވެ. ސަދަފް ފެނުމުން ރީއާ ގޮވައިގެން ނީޝަން ވެސް ނުކުމެއްޖެއެވެ.
“މިހާރު އެވެހެންފެށީ ވާރެ، ދެން އަންނާނެކަމެއް ނެތް ތިހާ ދުރުން.. މާދަމާ އިރޫ މާލެ ދާނަން ހޮސްޕިޓަލަށްށާ އެއްކޮން” އިރަމް ބުނާ އަޑުއިވުނެވެ.
ސަދަފް ފިޔަވަޅުތައް މަޑުޖައްސާލީ، ހުޅުވިފައިވާ ބެލްކޮނީގެ ކަހާ ދޮރު ކައިރީގައެވެ. ބޭރުން ވެހެމުންދިޔަ ވާރޭގެ ލުއި ތިކިތައް ފިނި ރޯޅިއާއެކު އައިސް ބީހެމުންދިޔައީ އިރަމްގެ ފަން އިސްތަށިގަނޑުގައެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރި އިރަމް، ލަސް ހަރަކާތަކާއެކު އިސްތަށިތައް ކޮނޑުމަތިން އެއްފަރާތަކަށް ޖައްސާލިއެވެ. އެއާއެކު، ވައިރޯޅިއާއެކު އައި ފިނިފިނި ވާރޭތިކިތައް އޭނާގެ އޮމާން ކަނދުރާއަށް ބީހިލުމުން ހީކަރުވައިގަނެގެން ތެޅިގަތެވެ.
”އޯކޭ، ލަވް ޔޫ .. މަންމައަށް ސަލާމް ބުނައްޗޭ” އިރަމް ފޯނު ކުރުކޮށްލިއެވެ.
އެއަޑު އަހަން ހުރެފައި ސަދަފް ހިނގައިގަތެވެ. އިރަމް ހުރީ އެތެރެ ދޮރު ވެސް ހުޅުވާލައިގެން ކަމުން ވާރޭގެ ތިކިތައް ސަދަފްގެ ހަށިގަނޑުގައި ޖެހޭކަށް އިރުތަކެއް ނުނެގިއެވެ. އޭނާ ހުއްޓިފައި ހިފާލީ އިރަމްގެ ހިމަ އުނަގަނޑުގައެވެ.
“މަންމާ-”
“ޝުޝްޝް މީ މަށޭ” އިރަމް ސިހިފައި ތެޅިގަތްގޮތުން ސަދަފް ނުހަނު މަޑުމަޑުން ބުނެލިއެވެ.
އެހާ ކުއްލިގޮތަކަށް ސަދަފްގެ މޫނު ފެނުމާއި އެކު އިރަމްއަށް ހުރެވުނީ ހަނދާނެ ގޮތެއް ނޭނގިފައެވެ. މަދު ސިކުންތުކޮޅަކަށް ނަމަވެސް އޭނާގެ މުޅި ހާލަތު ހަނދާނުން ކައްސައިލިއެވެ. ހިތުގެ އެދުމަށް ބޯލަނބައި، ސަދަފްގެ ގައިގާ ބައްދާލަން އަތް ހިއްލައިލެވުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި، އެ ގުޅުން އޭނާ އަމިއްލައަށް ކަނޑައިލި ގޮތް ހަނދާންވެ މޭގައި ނުބައި ވޭނެއް އަޅައިގަތެވެ. ބޭނުން ނުވީ ނަމަވެސް އަމިއްލަ މަޖުބޫރީން، އިރަމް ކުއްލިއެއް ޖަހާލާފައި ސަދަފްގެ އަތުގެ ތެރެއިން މިންޖުވިއެވެ. އެ މޫނަށް ބަލަން ވެސް ނުކުޅެދިގެން ހުރީ އިސްޖަހާލައިގެންނެވެ.
“ކިހިނެތް ވީ؟ ތި ގެންގުޅޭ މީހާތަ އެގުޅީ؟” އިރަމް ދުރުވެލީ ނަމަވެސް ސަދަފް އެދެއަތުގައި ހިފަހައްޓާލަމުން ގާތައް ގެނެސް މޭގައި ތަތްކޮށްލިއެވެ. އެ ބަސްތަކުން އިރަމްގެ ދެލޮލަށް ބޮނޑިވެގެން އައި ކަރުނުތައް ފެނުނެވެ. އެހެނަސް ސަދަފް އެކަމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ. އަމިއްލަ ހިތުގައި އެއަށްވުރެން މާ ބޮޑު ވޭނެއް ވަނީ އުފެދިފައެވެ.
“މަ މި ކުރަނީ ސުވާލެއް! ކާކު ގުޅީ؟” އިރަމް އަނގައިން ނުބުނެ ހުރުމުން ސަދަފް އަނެއްކާވެސް އަހައިލިއެވެ. އިރަމް ތުރުތުރުއަޅާ އަތަކުން ފޯނު ނަގައި، އެންމެ ފަހުން ގުޅާފައި އޮތް ކޯލް ލޮގް ސަދަފަށް ފެންނާނޭހެން ދައްކައިލިއެވެ.
“އީޝާ… ކްލޯޒް ފްރެންޑެއް… އީޝް އުޅުނީ ހުޅުމާލެ އަންނަން. ވާރޭ ވެހެން ފެށީމަ އަހަރެން ބުނީ މަޑުކޮށްލަން…” އިރަމްގެ ޖަވާބުން ސަދަފްގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.
” ބުނެބަލަ! ކޮންމެ ފަހަރަކު މަށަށް އިރަމް ތިހެން ހަދަންވީ ކީއްވެ؟ އިރަމް ހިތުގަ ޖެހޭ ވަރުގެ ކަމެއް އަހަންނަށް ކުރެވުނީތަ؟ ދެރަވީމަ ވެސް ނުބުނެވެނީތަ؟ ޖެހޭ ކޮންމެ މައްސަލައެއް ހައްލުކޮށްގެން ދިރިއުޅުމެއް ފަށަން އަހަރެން މި މަސައްކަތް ކުރާއިރު، ކީއްވެ އެގޮތް އިރަމް ބޭނުން ނުވަނީ؟ އެންމެ ފަހަރަކު ނޫން، އަބަދުވެސް… ކޮންމެ ފަހަރަކުވެސް މިހެން. ވާނުވާ ނާންގާ ދުރަށް! ކީއްވެ؟ އަހަރެން ގާތްވާ ކޮންމެ ފަހަރަކު ދުރަށް ނުދޭބަލަ! އަހަރެން އެހާ ގޯހީތަ؟” އެ ހިސާބަށް ބުނެވުނުއިރު ސަދަފްގެ އަޑު ކުރެހި، ޖަޒުބާތުތައް ކޮންޓްރޯލުން ނެއްޓިއެވެ. ރަތްވެފައިވާ އެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު، އޭނާ އިރަމްގެ ލޮލަށް ބަލަހައްޓައިގެން ހުރީ ޖަވާބަކަށް އެދި އާދޭސްކުރާ ފަދަ ގޮތަކަށެވެ.
“ދޫކުރޭ!” ސަދަފްގެ އެ ރިހުމުން ފުރިގެންވާ ދެލޮލާއި ހަތަރުކަޅި ހަމަކުރަން ކުޅަދާނަ ނުވެގެން، އިރަމް އެންމެ ފަހުން ބުނެލިއެވެ. ހިތަށް ވެރިވި ކުށްވެރިކަމުގެ އިހުސާސުން އޭނާގެ މުޅި އަރުތެރެ ބެދި، ނޭވާވެސް ތާށިވާ ގޮތްވިއެވެ. ސަދަފްގެ ކޮންމެ ސުވާލެއް، ކޮންމެ ބަހެއް އިރަމްގެ މޭގައި ޖެހެމުން ދިޔައީ ތޫނު ހަންޖަރެއް ފަދައިންނެވެ. ހަގީގަތް ހާމަކުރެވެން ނެތް އަމިއްލަ މަޖުބޫރުކަމާއި މެދު ވިސްނި އިރަމްގެ މުޅި ނަފްސު ރޮއްވައިލިއެވެ.
“ނުކުރާނަން!” ސަދަފްގެ ޖަވާބު ކުރެވެ. އަމިއްލަ ކޯތާފަތް މަތިގައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ސަދަފް ކުއްލިއެއް ޖަހާ އިރަމް ގެންގޮސް ތަތްކޮށްލީ ފާރުގައެވެ. އިރަމްގެ ދެފަރާތުން އޭނާގެ އަތް ވިއްދާލަމުން، ވައި ރޯޅިއަކަށް ވެސް ދެމެދަށް ނުވަދެވޭހާ ގާތައްޖެހިލިއެވެ. އިރަމްގެ މޫނާއި މޫނު ގާތް ކޮށްލަމުން އެދެލޮލަށް ބަލައިލިއެވެ. އެދެލޮލުން ފެނިގެންދާ ކުލަވަރުން އިރަމްގެ ނިންމުމަކީ ބޭނުންވެގެން ނިންމި ނިންމުމެއް ނޫންކަން ހެކިދެއެވެ. އޭނަ ބަލަބަލާ ހުއްޓާ ފެންކަޅިވެފައިވާ ދެލޮލުން ކަރުނަތައް ހިންދާލަމުން އެ މޫނަށް ރުޅިވެރިކަން ވެރިކޮށްލިއެވެ.
“އަހަރެންގެ ކޮންމެ ނިންމުމަކީ އަމިއްލައަށް ބޭނުންވެގެން ނިންމާ ނިންމުމެއް! މީ ސަދަފްގެ އަމިއްލަ މިލްކިއްޔާތުގައިވާ މުދާގަނޑެއް ނޫން ގަޔަށް އަތްލާކަށް! އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތީ ހަމައެކަނި ނަމެއް ނެތް ގުޅުމެއް، އެހެންނު! ކުޑަ މިނުން އަދިވެސް އަހަރެންގެ ކަންފަތައް ނީވޭ ސަދަފް އަހަރެންނާއި ދޭތެރޭގަ ދެކޭ ގޮތެއް-” އިރަމް ބުނަމުން ދިޔަ ޖުމްލަތައް ސަދަފް މެދުކަނޑާލިއެވެ.
“ނަމެއް ނެތް ގުޅުމެކޭ؟ ދެކޭ ގޮތޭ؟ އެއީތަ ގުޅުން ނިންމަން ބޭނުންވާ ސަބަބަކީ؟” ސަދަފްއަށް އެހުނީ ޝަކުވާއިން ފުރިގެންވީ އަޑަކުންނެވެ. އިރަމް އެހާ ބޮޑު ކަމަކަށް އެ ހެދީ، ސީދާ ލޯބިވާ ވާހަކަ އޭނާގެ ދުލުން ބުނެފައި ނެތީމަ ހެއްޔެވެ؟ އެ ތިން ލަފުޒު ދުލުން ބޭރު ނުކުރި ނަމަވެސް، އެދެމެދުގައިވާ ފުން ގުޅުން އިހުސާސް ވެސް ނުވަނީ ހެއްޔެވެ؟ އޭނާ ލޯބިވާ ވާހަކަ ނުބުނެ މަޑުކޮށްލީ، ހިތުގެ އަޑީގައި އޮތް ހާއްސަ މަގުސަދެއްގެ ސަބަބުންނެވެ. އެއީ ވެސް އިރަމް އުފާކޮށްދިނުމަށްޓަކައި އޭނާ ވަމުންދާ ސިއްރު ތައްޔާރީތަކެކެވެ.
ސަދަފް ސުވާލު ކުރުމުން ވެސް އިރަމް ޖަވާބު ދޭކަށް ގަސްދެއް ނުކުރިއެވެ. އިޙްތިޔާރުކުރީ ހަމަހިމޭންކަމެވެ.
“އެހެންވީ އިރު ބުނެބަލަ، އަންހެނަކާއި ފިރިހެނަކު މިހެން އަތް ގުޅުވާލައިގެން ހިނގާތަ އެކުވެރިންގެ ގޮތުގަ؟ ނޫނީ މިހެން ގާތް ވޭތަ އެކުވެރިންގެ ގޮތުގަ؟” އެއް އަތުން އިރަމްގެ އަތުގައި ހިފާލާމުން އަނެއް އަތުން އުނަގަނޑުގައި އަތް ހިންގާލިއެވެ.
އިރަމް ގަދަކަމުން ވެރިކޮށްގެން ހުރި ރުޅިވެރި އަސަރުތައް ފަނޑުވެގެން ދިޔައެވެ. ސަދަފްގެ އެ ގައިގޯޅިކަމުން ހިތުގެ ހިނގުން އަވަސްވެފައިވަނީ ނޭވާލާންވެސް އުނދަގޫ މިންވަރަކަށެވެ.
“ނޫނީ، މިއީތަ އެކުވެރިންގެ ގޮތަކީ؟” އެހުރިގޮތަށް ހުރެ ސަދަފް އޭނާގެ މޫނާއި ގާތްވެލިއެވެ.
އިރަމްއަށް ލޯ މަރާލެވުނީ ސަދަފްގެ ތުންފަތް އިހްސާސްވެގެންނެވެ. ސަދަފްގެ އެދައުވަތައް އިޖާބަ ދެވި އެކަމުގައި ބައިވެރި ވެވުނެވެ. ދެމެދުގައި އުފެދުނު ޖަޒުބާތުތައް ފުންވެގެން ދިޔައިރު އެނދާއި ހަމައަށް ދެވުނުގޮތް ވެސް ނޭނގުނެވެ. ސަދަފްގެ ޓީޝާޓު ފައިދޮށުވެގެން ދިޔައެވެ. ކޮޓަރި ތެރޭގައި ހަރުލާފައި ހުރި މަޑު މިއުޒިކުގެ ހަމަހިމޭންކަމާއި މޫސުމުގެ ފިނިކަމުގެ ތެރޭގައި ދެ ޒުވާނުންނަށް މަގު އޮޅެމުން ދިޔައެވެ.
މުޅި މާހައުލު އެކީގައި ބަދަލުވެ، އެހެން ދުނިޔެއަކަށް ދެވުނުހެން ހީވި ވަގުތު، ކުއްލިއަކަށް ސަދަފްގެ ފޯނު ރިންގުވާން ފެށިއެވެ. އެ ބާރު އަޑާއެކު، ދެ ޒުވާނުންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެ ވަގުތުކޮޅު ނިމި، ދެމީހުންނަށް ހޭވެރިކަން ވިއެވެ.
ފޯނު ރިންގުވަމުން ދިޔަ ނަމަވެސް، ސަދަފް ފުރަތަމަ ވެސް ބަލާލީ އިރަމްގެ މޫނަށެވެ. އެސްފިޔަތަކުގެ ދޭތެރެއިން ހާސްކަމާއި ލަދުވެތިކަން ފާޅުވާން ހުއްޓެވެ. ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން އިރަމް ބަލައިލިއިރު، އޭނާގެ މޫނު ވަނީ ރަތްވެފައެވެ. އެ ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ސާފުކޮން ފެނެއެވެ. އިރަމް ލައިގެން ހުރި ގަމީހުގެ އެންމެ މަތީ ތިން ގޮށް ނެއްޓިފައި ހުރުމުން، ސަދަފް ގާތްވެލަމުން އަޅުވާލަ ދިނެވެ.
“އެ ކިސް ފިޔަވައި ދެން އެއީ، ގަސްތަކު ނޫން.. އަމް ސޮރީ” ސަދަފް މާފަށް އެދުނެވެ.
ކުރެވެން އުޅުނު ބޮޑު ފާފައިން ސަލާމަތްވެވުނީ އިރަމް ހިތްހަމަ ޖެހުނެވެ. އެކަމުގައި ސަދަފް އެކަނި ގޯސް ކުރެވޭކަށް ވެސް ނެތެވެ. އޭނާއަށް ވެސް ބައިވެރިވެވުނެވެ. އިރަމް ދެރަވީ އެ ވަގުތު ވެސް ފޮޓޯގެ މަތިން ހަނދާންވެފައެވެ. ސަދަފް ދެވަނަ ފަހަރަށް މާފަށް އެދުމުން އިރަމް ބޯޖަހައިލިއެވެ.
އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުލިބެނީސް، އަނެއްކާވެސް ވިޝާމް ގުޅަން ފެށިއެވެ. މިފަހަރު ވެސް ފޯނު ބިޒީކޮށްލަމުން، ސަދަފް ގަސްތުކުރީ ވިޝާމްއަށް މެސެޖެއް ކޮށްލާށެވެ. ނަމަވެސް، މެސެޖް ލިޔަން ސްކްރީނަށް ބަލާލި ވަގުތު ވިޝާމް ފޮނުވާފައި އޮތް މެސެޖު ލޮލުގައި އަޅައިގަތެވެ.

“ބައްޕައަށް އެމީގެ ސީކްރެޓް އެނގިއްޖެ!”
މެސެޖު ފެނުނު ހިނދު، ލިބުނު ސިހުމާއެކު އޭނާ ވަގުތުން އެނދުން ތެދުވެ ކޮޅަށް ޖެހުނެވެ. ސަދަފްގެ މޫނަށް ކުއްލިއަކަށް އައި ކުލަވަރާއި، ހާސްކަމުން ފުރިގެންވީ ބަދަލުތައް ބަލަން އިރަމް ހައިރާންވެފައި އިނެވެ. ސަދަފް އަވަސްއަވަހަށް ތަޅުންގަނޑުމަތީގައި އޮތް އޭނާގެ ޓީޝާޓު ނަގައި ގަޔަށް މަހާލިއެވެ. އަދި އަނެއްކާވެސް އެނދުގެ މަގަތުގައި އިށީނދެ، ވަގުތުން ވިޝާމްއަށް ގުޅާލިއެވެ.

ފޯނު ކަންފަތުގައި ޖައްސައިގެން ހުރިއިރު، އެކޮޅުން ދެއްކި ވާހަކަތައް އަޑުއަހާފައި ސަދަފްގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. “އާނ، އެބަދަން ގެއަށް” އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު، ސަދަފް ބުންޏެވެ. ފޯނު ބޭއްވުމަށްފަހު، ދާން ތެދުވިއެވެ. ނަމަވެސް ކޮޓަރިން ނުކުތުމުގެ ކުރިން އޭނާ، އިރަމްއާ ދިމާއަށް ބަލާލިއެވެ.
“މާދަމާ އޮފީސް ނިންމާފަ އަހަރެން ބަލާ އަންނާނަން. ނިދަން އޮށޯވެ އޮތަސް ގަދަކަމުން ވެސް ގެންދާނަން …ހަނދާން ކުރާތި ފިލަން އުޅެފިއްޔާ ވަރަށް ގޯސްވާނެ! އިޔާން ގޮވައިގެން ބަލާ އަންނާނީ!” ސަދަފްގެ އަޑުގައި ވަނީ ސީދާކަމާއި ސާބިތުކަމެވެ.
އިޔާންގެ ނަން އިވުމާއެކު، އިރަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިތުރު ގޮތެއް ނެތްކަން ވިސްނިގެން، ހާސްވެފައި ހުރެމެ، އޭނާ އަވަސް އަވަހަށް ބޯޖަހާލީ ސަދަފް ބުނި ގޮތަށް އެއްބަސްވުމުގެ ގޮތުންނެވެ.
****

ހުޅުމާލޭގެ ބިޔަމަގުތަކުގައި ކާރު ދުއްވަމުން ގޮސް މާއިން ވަނީ ނިރޮޅުމަގާއި ގުޅިފައިވާ ގޯޅިއަކަށެވެ. އެއްފަރާތުގައި ޕާކިން ޒޯނެއް އިނުމުން ކާރު ޕާކުކޮށްލިއެވެ. ވަގުތަކީ މާ ދަން ގަނޑިއަކަށް ނުވީނަމަވެސް، ވާރޭ ވެހެމުން ދާތީ މަގުމަތީގައި މާ މީހުންނެއް ނެތެވެ.
އިސްތަށިގަނޑު ކޮށާލި ފަހުން އަނެއްކާވެސް ހިސާބަކަށް ދިގުވެފައި އޮތުމުން ކަނދުރާއާއި ހަމައަށް ހުއްޓެވެ. އޭގެ ސަބަބުން އިސްތަށިތަކުން ބޮޑު ބައެއް މޫނާއި ނިތް ކުރިއަށް އޮތީ ފައިބާފައެވެ. މާއިންގެ އަތާއި ކަރުގައި އެއްވެސް ފަށެއް ނުވެއެވެ. އަދި ގަޔަށް ހެޔޮވަރު އަންނައުނުގައި ހުރި އިރު ތަފާތު އެހެން ކަމެއް ވެސް ފާހަގަ ކުރެވެމުން ދިޔައެވެ. އެހެންޏާ އޭނާގެ ގައިން ދުވާ ރާ ހުތް ފާނޑު ވަހާއި ސިނގިރޭޓު ވަސް އެވަގުތު ނުދުވައެވެ. އަތަކުވެސް ސިނގިރޭޓެއް ނެތެވެ. މާއިން ދަންނަ މީހަކަށް ވިއްޔާ އެ ސިފަ ވާނީ އަޖައިބުކުރުވަނިވި ސިފަ އަކަށެވެ. އުޅުން ގޯސްވިފަހުން ސިނގިރޭޓަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. މާއިން ފެނިއްޖެޔާ އޭނާގެ އަތުގައި އޮންނަ ސިނގިރޭޓު ފެންނާނެއެވެ. ނަމަވެސް މިރޭ މުޅިން ތަފާތެވެ. ދުވަނީ ވެސް ފިރިހެންވަންތަ ސެންޓެއްގެ މީރުވަހެވެ.
އިމާރާތްތަކާއި ފިހާރަތަކުގެ އަސްކަންޏާއި ވީ ފަޅިން ދިޔަނަމަވެސް ކޮންމެވެސް ވަރަކަށް ތެމޭގޮތްވިއެވެ. ލައިގެން ހުރި ޓީޝާޓު ރަނގަޅުކޮށްލަމުން ޖީންސްގެ ޖީބަށް އަތްޖަހާލައިގެން ހުރެ ހިނގަމުން ދިޔައިރު، ފިހާރައެއްގެ ތެރެއިން ނުކުތް ޒުވާން ދެ އަންހެން ކުދީންގެ ނަޒަރު އޭނާއަށް ހުއްޓޭ ގޮތްވިއެވެ. އެކަމަކަށް ސަމާލުކަން ދޭކަށް ނޫޅުނެވެ. ގިނަވާނީ އޭނާއަކީ ކާކުކަން އެނގިގެން ބަލާ މީހުންކަން އެނގޭ ކަހަލައެވެ. މާއިން ވަނީ އެކި ވައްތަރުގެ ފޯނާއި އެފަދަ އިލެކްޓްރޯނިކް ވަސީލަތްތައް މަރާމާތު ކުރާ ބޮޑު ފިހާރައަކަށެވެ.
“ކޮބާ ތިއައީ ދޯ؟ އަދި އިރުކޮޅެއް ވާނެ..” މާއިން ފެނުމުން ކައުންޓަރު ދޮށުގައި މަޑުކޮށްލައިގެން ހުރި ޒުވާނާ ވާހަކަ ދެއްކިއެވެ. ހިނިތުންވެލަމުން އޭނާ އިޝާރާތުން ދައްކާލީ ކައުންޓަރާއި ފުރަގަސްސްވާހެން ހުރި ގޮނޑިތަކަށެވެ. އެތާގައި މަޑުކޮށްލުމަށް ބުނުމުން މާއިން ވެސް ބޯޖަހާލާފައި އޭނާ ބުނިހެން ކަންތައް ކުރިއެވެ.
ވަގުތު ދުއްވާލުމުގެ ބޭނުމުގައި ޖީބުން ފޯނު ނަގައި، ފޭސްބުކް ހާވަން ފެށިއެވެ. އެއީ މިއަދު އޭނާ ގަތް ފޯނެކެވެ. ރަވީހްއާއި ޖިނާންއާ ބައްދަލުކޮށްފައި އައިރޭ ގެއަށް އައި ހިނދު، އަތުން ފޯނު ދޫވެގެން ވެއްޓުނީ މާބްލް ތަޅުންގަނޑުމައްޗަށެވެ.ޑިސްޕްލޭވެސް އޮތީ އެއްކޮށް ފުނޑުފުނޑުވެފައެވެ. އޭގެ ފަހުން ފޯނު އެއްގޮތަކަށްވެސް ނުހުޅުވުނެވެ. މިއަދު ހެނދުނު އެ ފޯނު ހަދަން ހަވާލުކޮށްފައި މާއިން އެންމެ ފުރަތަމަވެސް ދިޔައީ އައު ފޯނެއް ގަންނާށެވެ. އެންމެ ހިނދުކޮޅަކަށް ވެސް އަތްމަތި ހުސްކޮށްލައިގެން، ފޯނަކާ ނުލައި އުޅުމަކީ އޭނާއަށް ކުޅަދާނަ ކަމަކަށް ނުވާތީއެވެ.
މާއިން ފިޔަވައި އިތުރު ކަސްޓަމަރެއް އެވަގުތު އެތަނުގައި ނުވާތީ މާހައުލުގައިވީ ހަމަހިމޭންކަމެވެ. ކައުންޓަރު ފަހަތުގައި ތިބި ބިދޭސީ ދެ މުވައްޒަފުންނާއި، ކުރިން އޭނާއާ ވާހަކަދެއްކި ދިވެހި ޒުވާނާ ހޭބޯނާރައި އުޅެމުން ދިޔައީ ފޯނުތައް މަރާމާތުކުރުމުގެ މަސައްކަތުގައެވެ. މި ހަމަހިމޭންކަމުގެ ތެރެއިން މާއިން ކުއްލިއަކަށް ސިހުނީ، ކަންފަތުގައި ޖެހުނު ދަންނަ އަޑަކުންނެވެ.
“ދަރިފުޅާ، މިއަދު ލޮލަށް ނުފެންނާތީ ކޮބާތޯ މިއައީ” ދޮރުން ވަދެގެން އައި އާދަމްއެވެ. އޭނާ މަޑުކޮށްލީ ކައުންޓަރު ކައިރީގައި އިން ގޮނޑިގައެވެ.
މާއިން އިނީ ދޮރާއި ވެސް ފުރަގަސްވާހެން ކަމުން، އާދަމްއަކަށް އޭނާގެ މޫނެއް ނުފެނެއެވެ. އެކަމަކު އާދަމްގެ އަޑު އަހާފައި އެއީ ކާކުކަން މާއިންއަށް އެނގުނެވެ. ޔަގީން ކޮށްލަން ހަނި އަރިއަކަށް އަރިވެ ބަލައި ވެސްލިއެވެ. އާދަމް ބަލައިލަން ވާއިރަށް މާއިން ފުރަގަސް ދިނެވެ.
“އާން ހޭލިއިރު މަންމަ ބުނި ބައްޕަ ގޮސްފިއޭ.. ދެން ހެނދުނު އައި ގޮތައް އަދި އަހަރެން ވެސް ގެއަކަށް ނުދަން.. މާލެ ދާން ބޮޑުކަމަކަށް ވާތީ ދޮންބެ މެން ގެއިން ކައިގެން މިއައީ” ކައުންޓަރު ތެރެއިން ނުކުންނަމުން ޝަރުވާން ވެސް ވާހަކަދެއްކިއެވެ. އާދަމް އެހެންހޭ ބުނެ ހީލިއެވެ.
“ކޮބާ ހައިކަލްބޭގެ މަސައްކަތް ކިހިނެތް ކުރިއަށްދަނީ؟” އާދަމް ކުރެން ޝަރުވާން އަހާލިއެވެ.
“ވަރަށް ރަނގަޅު ކަމެއް ދަރިފުޅު ކޮށްދިނީ.. އެ ބަގްސްތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ކުރެވުނު… އެއްކަލަ ޝާއިރާ މިހާރު އުޅެނީ އެހެން ސްޓަންޓެއްގަ.. އޭނާގެ ދަރި ޖަލުން ނުނެރެވިގެން އެކަމާ.. އޭނާ ރޫމްގަ ހުރެ ދެއްކި ވާހަކަ އަހަރެމެން އަޑު އެހީމޭ އެއްކަލަ ޑިވައިސް މެދުވެރިކޮށް..” އާދަމް ކިޔައިދިނެވެ. ދެމީހުންކުރެ އެކަކަށް ވެސް މާއިން އެހުރިހާ ވާހަކައެއް އަޑުއަހަން އިން ކަމެއް ރެއަކާއި ނުލައެވެ.
“ނަސީބެއް ބައްޕަ ބުނިކަން.. ވަރަށް ހިތްހަމަ ޖެހިއްޖެ އަހަރެންގެ ފަރާތުން ވެސް ހައިކަލްބެއަށް އެހީއެއް ވެދެވުނީމަ.. އަހަރެންނަށް ބޭރަށް ކިޔަވަންދާން ފުރުސަތު ހޯދާދިނީމަ އެކަމާ ޝުކުރު އަދާކުރަން ބޭނުން ވެފަ ހުއްޓާ މި ފުރުސަތު މިލިބުނީ ވެސް..” ޝަރުވާން ބުނެލިއެވެ.
“އާން ދަރިފުޅާ، ހައިކަލް މެންނަށް އެހީ ނުވެ ކިހިނެތް ތިބޭނީ.. އެއީ ހާދަ ރަނގަޅު ދެމަފިރިންނޭ.. އަދި އެހެން ވާހަކައެއް ވެސް ކިޔަންވެގެން މިއައީ.. ހައިކަލްއަށް މިހާރު އެނގިއްޖެ އަމީރާއަކީ ކަން އޭނާގެ ގެއްލުނު ދަރިފުޅު” އާދަމް ބުނެލިއެވެ.
އާދަމްގެ އެންމެ ފަހު ޖުމްލައިން މާއިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކަންފަތަށް އިވުނު ބަސްތައް ގަބޫލުކުރަން ދަތިވެފައި އޭނާއަށް ހުއްޓުން އަރާފައި އިނދެވުނެވެ. ހިނދުކޮޅަކަށް މާއިންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ލިބުނު ސިހުމުގައި، އޭނާއަށް ގޮނޑިން ކޮޅަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.
****
(ނުނިމޭ)

3 ހިޔާލު

  1. Anonymous
    09:07 ⁧⁦19/9/2026⁩⁩

    Oh my god can’t wait for the next😭

  2. Faru Aadh
    10:17 ⁧⁦19/9/2026⁩⁩

    V reethi mi bai ves. Thankolheh avahah next episode kiyaalan libeyne kamah ummeedhu kuran

  3. Kiwi
    14:06 ⁧⁦19/9/2026⁩⁩

    Dhen alheyy nooon vrh nubai hisaabakun thi ninmaaleee🥹🥹. Dhrn aneh eps kiyaalan libeyne dhuvaheh ves neyngeyy. Cant wait argh. Ups kohdhehche avahah. Happy to see maain changing for good.

ކިޔުންތެރިންގެ ހިޔާލު