ކުއްލިއަކަށް އިޔާންގެ މޭމަތީގައި އޮތް އަމީރާގެ އަތްތިލައަށް ކުޑަ ތެޅުމެއް އައިކަން އިޙްސާސްވިއެވެ. އިޔާން ސިހިފައި ބަލައިލިއެވެ. އެފަދަ ކަމެއް ތަކުރާރް ނުވުމުން އެއީ އަމިއްލަ ހިތަށް ހީވި ގޮތެއް ކަމަށް ހީކޮށް، އެ އަތަށް ބަލަހައްޓައިގެން އޭނާ އިނެވެ. ނަމަވެސް، ޖެހިގެން އައި ސިކުންތުގައި އަމީރާ، އޭނާގެ ހިމަހޯލި އިނގިލިތައް މަޑުމަޑުން ތަޅުވައިލިއެވެ. އަދި އެއާއެކު، ބަންދުވެފައިވާ އެސްފިޔަތަކަށް ވެސް ކުޑަ ގުޑުމެއް އަރައިގެން ދިޔަތަން އިޔާންގެ ލޮލުގައި ސާފުކޮށް އަޅައިގަތެވެ. ޤަބޫލުކުރަން ދަތިވެފައި، އިޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
***
“އެމީ.. އެމީ!” އިޔާންއަށް ނުހަނު ބާރަށް ގޮވާލެވުނެވެ. އަމީރާގެ ހަށިގަނޑާ ގުޅާފައިވާ މެޝިންތަކުން އިވެމުން ދިޔަ އާދައިގެ ވިންދުގެ އަޑު ކުއްލިއަކަށް ބަދަލުވެ، ނުރައްކަލުގެ އިންޒާރެއްދޭ ފަދަ ތޫނު އަޑަކަށް ބަދަލުވުމާއެކު، އިޔާންގެ ހިތް ހީވީ ހިނދުކޮޅަކަށް ހުއްޓިގެން ދިޔަ ހެންނެވެ. އަވަސް ހަރަކާތަކާއި އެކު އެނދުގެ ބޯލާކޮޅުގައި އިން ސްވިޗަށް އޮބާލިއެވެ. މާގިނައިރުތަކެއް ނުވެ ދުވެފައި ކަހަލަ ގޮތަކަށް ދެ ޑޮކްޓަރުންނާއި ނަރުހުންގެ ބަޔަކު އެތެރެއަށް ވަދެއްޖެއެވެ. އެމީހުންބަލަން ފެށިއިރު ވެސް އަމީރާގެ ފުށުން ހަރަކާތްތަކެއް ފެންނަމުން ދިޔައެވެ. ހަށިގަނޑަށް ބާރުތަކެއް އަރައި، ނޭވާ ނުލެވިގެން ތެޅިފޮޅެމުން ދިޔައެވެ. މޭމަތި އުފުލި ތިރިވަމުން ދިޔަ މަންޒަރުވެގެން ދިޔައީ ބަލަން ބިރުވެރި މަންޒަރަކަށެވެ. މެޑިކަލް ޓީމުގެ މަސައްކަތަށް ހުރަސްއެޅިދާނެތީ، އިސްކޮން ހުރި ޑޮކްޓަރުގެ އިޝާރާތަކަށް އިޔާން އެތަނުން ނެރުނެވެ.
ބޭރަށް ނުކުމެވުނު އިރު އިޔާންގެ ދެއަތުގައި ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ. ދެއަތް ދެއަތާ މޮޑެމުން، އިނގިލިތަކަށް ބާރުކޮށްލެވުނެވެ. ހިތް ބިރުގަނެފައި ވާ ވަރުން ނިތްމަތިން ދާތިކިތަކުގެ އަސަރު ފާޅުވާން ފަށައިފިއެވެ. ހޮސްޕިޓަލުގެ އެފިނި މާހައުލުން ވެސް ހަށިގަނޑުގައި އުފެދިފައިވާ ހޫނުކަމަކަށް އެއްވެސް ލުޔެއް ނުލިބެއެވެ. ލޮލުގެ ކުރިމަތިން ސިފަވަމުން ދިޔައީ ނޭވާ ނުލެވިގެން އަމީރާ ތެޅިގަތް ބިރުވެރި މަންޒަރެވެ.
“އެމީ ޕްލީޒް ބީ އޯކޭ… ޔާ ﷲ” ހިތާހިތުން އަމީރާއަށް ރައްކާތެރިކަން ލިބުމަށް އެދި ދުއާ ކުރެވެމުން ދިޔައެވެ. އެހުރިހާ އިރު އިޔާންގެ ލޮލުގައި ހުރި ބޮނޑިވެފައިވީ ކަރުނަތައް ފައިބައިގަތެވެ. ދެލޯ ފުހެލަމުން އެންމެ ފުރަތަމަވެސް ގުޅާލީ ވިޝާމްއަށެވެ.
“އަވަހަށް އާދެބަލަ ހޮސްޕިޓަލަށް.. އެމީ-” ވިޝާމް ފޯނު ނެގުމާއެކު އިޔާންއަށް ބުނެވުނީ އެވަރަށެވެ. ކަރުބުޑުގައި އަޑު ތާށިވެފައި ހުރުމުން އިތުރު ތަފްސީލެއް ދޭނެ ހިތްވަރެއް ނުލިބުނެވެ. ނަމަވެސް އިޔާންގެ އަޑުގައި ހުރި ހާސްކަމުން ހާލަތުގެ ނާޒުކުކަން ދެނެގަނެ، “މިހާރު މި ނުކުންނަނީ!” އޭ ބުނެ ވިޝާމް ފޯނު ކަނޑާލިއެވެ. ނަދީމާއި މަޖުދާ އަދި ނުނިދާނެކަން ޔަގީންވާތީ، ވިސްނާލުމެއް ނެތި އެމީހުންނަށް ވެސް ގުޅައި ކުރުގޮތަކަށް އެ ހަބަރު ދިނެވެ. އެމީހުންގެ ހިތްތަކަށް ވެސް ވެރިވާނެ ބިރުވެރިކަން އިޔާންއަށް އިހުސާސް ކުރެވުނެވެ.
އަމީރާގެ އެތެރޭގެ ހާލަތެއް ނޭނގި، ދޮރުމަތީގައި މަޑުކުރަން ޖެހުމުން އިޔާންއަށް ވީ ވޭނަކަށެވެ. އިންތިޒާރުގެ ކޮންމެ ސިކުންތަކީ އަހަރެއްހާ ދިގު އެއްޗަކަށް ވެއްޖެއެވެ. ގޮނޑިއެއް ގައި އިށީންނަން އުޅެފައިވެސް، ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ބޮޑުކަމުން އެންމެ ހިނދުކޮޅަކަށް ވެސް އެއްތާކު މަޑުން އިނދެވޭ ގޮތެއް ނުވިއެވެ. ހޮސްޕިޓަލުގެ ފަޅު އަދި ހިމޭން ކޮރިޑޯގައި އޭނާ ދެކޮޅަށް ހިނގަމުން ދިޔައެވެ. އޭނާގެ އަމިއްލަ ފިޔަވަޅުތައް ތަޅުންގަނޑުގައި ޖެހޭ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް މާހައުލަކު ނެތެވެ. އެތައް ބުރެއް ޖެހުނު އިރު ވެސް، ހަށިގަނޑަށް އެއްވެސް ވަރުބަލިކަމެއް އިހުސާސެއް ނުވެއެވެ. ހަށިގަނޑުގައިވާ ހުރިހާ ހިއްސުތަކެއް ވަނީ އެ ބަންދު ދޮރުގެ އެތެރެއަށް ހުސްވެފައެވެ.
އެންމެ ފަހުން ކެތްނުކުރެވިގެން ގޮސް، ކޮޓަރީގެ ދޮރުގައި އިން ބިއްލޫރިގަނޑާ ދިމާލަށް ހިނގައިގަނެ، ދޮރު ކައިރީގައި މަޑުކޮށްލަމުން އެތެރެއަށް ބަލައިލިއެވެ. އެތެރެއިން އަމީރާގެ އެނދު ފެންނަނީ ކިރިޔާއެވެ. އެނދު ވަށައިގެން ތިބި ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވަމުން ދިޔަ އަވަސްމިނާއި އެމީހުންގެ މޫނުމަތީގައި ހުރި ސީރިއަސްކަން ފެނުމުން، އިޔާންގެ ހިތް ފިނިވެގެން ދިޔައެވެ. އިންޖެކްޝަންތަކާއި މެޝިންތަކުގެ ވިންދު ބަލަމުން އެމީހުން ކުރަމުން ދިޔަ އަވަސް މަސައްކަތްތަކުން، އެ މަންޒަރު ބަލަން ހުންނަން އިޔާންއަށް އިހުނަށްވުރެ ވެސް އުނދަގޫވިއެވެ. ބިއްލޫރިގަނޑުގައި ނިތްކުރި ޖައްސާލައިގެން، ކަރުނައިގެ ތެރެއިން އެތެރެއަށް ބަލަން ހުރިއިރު، ހީވަނީ އޭނާގެ އަމިއްލަ ނޭވާ ވެސް ހުއްޓެން ކައިރިވެފައިވާ ހެންނެވެ. ދެންމެ ދެންމެ އެ ދޮރު ހުޅުވިފައި އިވިދާނެ ބިރުވެރި ހަބަރަކަށް ހިތް ތެޅިތެޅި އޮތެވެ.
ފުންކޮށް ލެވެމުން ދިޔަ ނޭވާތައް މަޑުމަޑުން ހަމައަކަށް އެޅި، ހަށިގަނޑަށް ކުރަމުން ދިޔަ ބާރު މަޑުވަމުން ދިޔައިރު، އަމީރާއަށް ލަސްލަހުން ދިޔައީ ހޭވެރިކަން ވަމުންނެވެ. ހަށިގަނޑާއި ގުޅާފައިވާ މެޝިންތަކުގެ އަޑު އޭނާގެ ކަންފަތަށް ސާފުކޮށް ފޯރަން ފެށިއެވެ. ލަސްލަހުން ހުޅުވާލި އެސްފިޔަތަކުން ފުރަތަމަ ފެނިގެންދިޔައީ ފުސް މަންޒަރެކެވެ. ކޮޓަރިތެރޭގައި ހުރި ހުދު އަލިކަން ލޮލަށް އެޅިގެންދިޔަ ހިނދު، ބޮލުގެ އެތެރެއިން ގަދަޔަށް ރިއްސައިގަތެވެ.
“އަމީރާ.. އަމީރާ.. އަޅުގަނޑުގެ އަޑު ސާފުކޮން އިވޭތޯ؟” ކުރިމަތީގައި ހުދު ކޯޓެއް ލައިގެން ހުރި މީހަކު ކަންބޮޑުވުމާއެކު ގޮވާލިއެވެ. ލޮލުގެ ފުސްކަމުގެ ތެރެއިން ވެސް އެއީ ޑޮކްޓަރެއްކަން އަމީރާއަށް ނަގައިގަނެވުނެވެ. ނަމަވެސް ބޮލުގައި އުފެދުނު ރިހުންގަނޑު ހިނދެއް ހިނދަކަށް ބާރުވަމުން ގޮސް، މުޅި ސިކުނޑި ފަޅައިގެން ގޮސްދާނެހެން ހީވިއެވެ. ހޭވެރިކަން ވަމުން އައި ހިނދު، ފުރަތަމަވެސް އެކްސިޑެންޓުވި ވަގުތު ކުއްލިއަކަށް ސިކުނޑިއަށް ވެރިވި މާޒީގެ ހުރިހާ ތަސްވީރުތައް އަލުން އޭނާގެ ހިޔާލަށް އަންނަން ފެށިއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި، ފިލްމެއްގެ މަންޒަރުތައް ފަދައިންނެވެ.
އެންމެ ތުއްތުއިރުގެ ދުވަސްތަކެވެ. އަމިއްލަ ގޭގެ ފެހި ބަގީޗާގައި ދުވެ ކުޅެން އުޅުނު ހަނދާންތަކެވެ. ފުސްކަމެއްގެ ތެރެއިން އާއިލާގެ އެންމެންގެ ސޫރަ ވަކިވަކިން ފާޅުވާން ފެށިއެވެ. ލޯބިވާ މަންމައާއި ބައްޕައެވެ. އަބަދުވެސް އޭނާ ހިމާޔަތްކޮށްދިން ބޭބެމެންނެވެ. އަދި އޭނާގެ ހުރިހާ ވާހަކައެއް ހިއްސާކުރި އެންމެ ގާތް އެކުވެރިޔާ މަހާގެ ސޫރައެވެ.
ނަމަވެސް އެ އުފާވެރި މަންޒަރުތަކުގެ ތެރެއަށް ވިހަލީ ޝާއިރާއާއި މަންހާގެ މަކަރުވެރި ސޫރައެވެ. އެހާ ތުއްތުއިރު ވެސް އޭނާއާ މެދު ޝާއިރާ ބަހައްޓަމުން އައި ނަފުރަތެވެ. މީހެއްގެ ލޮލުގައި އަޅައިނުގަންނަ ދަނޑިވަޅު ބަލައި ކުއްލިއަކަށް ހުރެ ބަވާލައި، ބިރުގަންނަވައި ރޮއްވާލާ ގޮތެވެ. ނުވިތާކަށް ރަހުމެއް ނެތި އިސްތަށިގަނޑުގައި ހިފައި ދަމައިގަންނަ ގޮތެވެ. އެއިން އެއްވެސް ވާހަކައެއް އާމިލާއަށް އަންގައިފިނަމަ، މަހާއަށް އަނިޔާކުރާނެ ކަމަށް ބުނެ ދިން ހިތްދަތި އިންޒާރުތަކެވެ. ހަމައެކަނި އޭނާއާ އެކުވެރިވެގެން އުޅޭތީ މަހާއަށް ޝާއިރާ ދެމުންދިޔަ ގޯނާތަކެވެ. އެ ހުރިހާ ބިރުވެރިކަމެއްގެ ތެރެއިން ވެސް، ޝާއިރާގެ ލޮލަށް ފިލައިގެން މަހާއާއެކު ހޭދަކުރި އުފާވެރި ވަގުތުކޮޅުތައް ސިކުނޑިއަށް ވެރިވި ހިނދު، މޭގެ ތެރޭގައި ޒާތެއްގެ ގިލަންވެރިކަމެއް އުފެދުނެވެ.
އެހަނދާންތަކާއި ވިދިގެން، ދެން ސިފަވާން ފެށީ އުމުރުން އެންމެ ފަސް އަހަރުގައި އޭނާގެ މުޅި ދިރިއުޅުން އަނދިރިކޮށްލި އަނިޔާވެރި ވަގުތުކޮޅެވެ. ޝާއިރާގެ ރަޙުމުކުޑަ މޫނާއި، އާޝިއުގެ އެހީތެރިކަމާއެކު އޭނާ، އަމީރާ މަގުމައްޗަށް އެއްލައިލާ، އެކްސިޑެންޓްކޮށްލި ބިރުވެރި މަންޒަރެވެ. މާޒީގެ ކޮންމެ އަނދިރި ސިއްރަކާއި، އެ ދުވަހު މަގުމަތިން ޖިނާން ދިން އިންޒާރުތަކުގެ އަޑު ސިކުނޑީގެ ތެރޭގައި ގުގުމައިގަތެވެ. އެ ހުރިހާ ހަނދާންތަކެއް އައިސް، އެއްފަހަރާ ބިންދައިލި ރާޅުތަކުން މުޅި ނަފުސު ސިހި، ހަށިން ހީބިހި ނަގައިގެން ދިޔައެވެ.
ޑޮކްޓަރުގެ އަޑު އަނެއްކާވެސް ކަންފަތުގައި ހަރުލައިގެން ދިއުމާއި އެކު ގަދަކަމުން ހިންދިރުވާލަމުން އަމީރާ ބަލައިލިއެވެ.
“އެއްވެސް ކަމެއް ހަނދާނުގައި އެބަހުރިތަ؟ މިބުނީ އެކްސިޑެންޓުވި ވަގުތު ހިނގައިދިޔަ ކަންތައްތައް؟” ޑޮކްޓަރު އަމީރާގެ ލޮލުގެ ކަޅިއަށް އަލި އަޅުވައި ބަލައިލަމުން ސުވާލުކޮށްލިއެވެ. މިފަހަރު ވެސް އަމީރާ މަޑުމަޑުން ބޯޖަހައިލިއެވެ. އެ މަންޒަރު ފެނި ގާތުގައި ހުރި އެހެން ޑޮކްޓަރެއް، އަމީރާއާއި ވާހަކަ ދައްކަމުން ދިޔަ ޑޮކްޓަރުގެ ކަންފަތް ދޮށުގައި ކޮންމެވެސް ވާހަކައެއް ބުނެލިއެވެ. އޭނާ ބޯޖަހައިލަމުން އަމީރާއަށް ވަރަށް ފުންކޮން ބަލައިލިއެވެ. ހީވީ ކަމެއް ދެނެގަންނަން މަސައްކަތް ކުރަމުން ދިޔަހެންނެވެ.
“އެންމެ ރަނގަޅު. ދެން އޭގެ ކުރީގެ ހަނދާންތަކުން އެއްވެސް މިންވަރެއް ހަނދާނުގަ އެބަހުރިތަ؟ މެޑިކަލް ހިސްޓްރީއިން އަޅުގަނޑުމެންނަށް ފާހަގަފަ އޮތީ، މީގެ ކުރިން ވެސް އެކްސިޑެންޓެއް ހިނގާ މެމޮރީއަށް އަސަރުތަކެއް ކޮށްފަވާކަން. އެކަންކަމުގެ އެއްވެސް މަންޒަރެއް ނުވަތަ ހަނދާނެއް…؟” ޑޮކްޓަރު ފަރުވާތެރިކަމާއެކު ސުވާލު ފުރިހަމަކޮށްލިއެވެ.
މުޅި މާޒީ ހަމަލޮލަށް ފެންނަހާ ސާފުކޮށް ސިކުނޑީގައި ކުރެހިފައި އޮތްއިރު ވެސް، އެ ދެލޮލުގެ އަސަރުތައް އޭނާ އެތެރެއަށް ހިންދާލީ އަމިއްލަ ނަފުސަށް ވިސްނައިދެމުންނެވެ. އިތުރަށް ކަމެއް ސިއްރުކުރުމަކީ ހުދު އަމީރާ ވެސް ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ޝާއިރާއާއި ކުރިމަތިލާން ކުޑަ ވަގުތުކޮޅެއް އަމިއްލަ ނަފްސަށް ބޭނުންވެއެވެ. ކެތްތެރިކަމެއް ނެތި އިންތިޒާރުކުރެވެމުން ދިޔައީ އިޔާން ފެންނާނެ އިރަކަށެވެ. ހިތާއި ދެކޮޅައް ނަމަވެސް މިވަގުތައް އޭނާގެ ހަނދާންތައް އެނބުރިކަން އިޔާން ފިޔަވައި އިތުރު މީހަކަށް ނާންގަން ނިންމާލިއެވެ.
“ނޫން… ނެތް. މާލޭގެ ހަނދާންތައް އެކަނި ހުރީ” ޒަޚަމްވެފައިވާ ތުންފަތް މަޑުމަޑުން ހަރަކާތްކޮށްލަމުން، ބަލިކަށި އަޑަކުން ބުނެލިއެވެ.
އަމީރާ އެ ޖަވާބު ދިނުމުން، ޑޮކްޓަރުންގެ މޫނުމަތިން ފެނުނީ އިންތިހާ މާޔޫސްކަމެވެ. ނަމަވެސް އެމީހުން އިތުރަށް ސުވާލެއް ކުރާކަށް ނުހަދާ ބެލީ، އިތުރަށް އޭނާގެ ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ބަލައި، ޙާލަތު ރަނގަޅުވަމުން އަންނަކަން ޔަޤީންކުރުމަށްޓަކައި ޓެސްޓުތައް ފުރިހަމަކުރަން އަވަސްވެގަނެވޭތޯއެވެ.
އަމީރާ ދިން ކުރު ޖަވާބާއެކު، ޑޮކްޓަރުންގެ މޫނުމަތިން ފެނުނީ އިންތިހާ މާޔޫސްކަމެވެ. އެމީހުން އުއްމީދުކޮށްގެން ތިބި ފަދަ ކުރިއެރުމެއް ނުފެނުނު ނަމަވެސް، އިތުރަށް ސުވާލުކޮށް އޭނާގެ ސިކުނޑިއަށް ބާރުބޮޑުކުރާކަށް އެކަކުވެސް ނޫޅުނެވެ. މިވަގުތަށް އެންމެ މުހިންމީ ހާލަތު އެއްވަރެއްގައި ހިފެހެއްޓުން ކަމަށްވާތީ، ޑޮކްޓަރުން އަވަސްވެގަތީ ބާކީ ހުރި ޓެސްޓުތައް އަވަހަށް ނިންމާލުމަށެވެ. މެޝިންތަކުގެ އަޑު މަޑުމަޑުން އެއްވަރެއްގައި ހިފަހައްޓަމުން ދިޔައިރު، ކޮޓަރީގެ ތެރޭގައި ވެރިވެފައި އޮތް ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް ކެނޑިގެން ދިޔައެވެ.
***
“ކިހާ އިރެއް ވެއްޖެ، އެމީ އެތެރޭގަ އޮންނަތާ؟” ހައިކަލްއަށް މިހާރު ދެތިން ފަހަރަކު އަހާލެވިއްޖެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް އޭނާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަނީ ނަދީމް ނުވަތަ ޔުމާންއެވެ. ހޮސްޕިޓަލުގެ ކޮރިޑޯގައި ދެ އާއިލާގެ އެންމެން އެއްވެ ތިބި ނަމަވެސް، އެކެއްގެ މޫނުމަތިން ވެސް ހިތްހަމަޖެހުމުގެ ކުޑަވެސް ކުލަވަރެއް ފެންނާކަށް ނެތެވެ.
އާމިލާ އިނީ އިސްޖަހައިލައިގެންނެވެ. އެކަކާ ވެސް ވާހަކައެއް ނުދައްކައެވެ. ހާސްވެފައި އިން ވަރުން ދޭތެރެއަކުން ދެއަތް ދެއަތާ މޮޑެލައެވެ. އަދި އުއްމީދުން ފުރިގެންވާ ބެލުމަކުން ކުއްލި ކުއްލިއަށް އެ ބަންދު ދޮރާ ދިމާލަށް ބަލައިލައެވެ. އަމީރާ ކައިރީގައި ޑޮކްޓަރުން ހަރަކާތްތެރިވަމުންދާތާ މިހާރު ގަޑިއިރަކަށް ވުރެ ގިނަ އިރު ވެއްޖެއެވެ. އެކަމަކު އަދިވެސް އެތެރެއިން އެއްވެސް ޚަބަރެއް ނުވެއެވެ.
“ނަދީމް، އަހަރެން ވާހަކައެއް ބުނަންތަ؟” އިރުކޮޅަކު އާމިލާއާއި ހައިކަލްގެ ފަރާތުން ފެންނަމުން ދިޔަ ތަފާތު ހަރަކާތްތަކަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިގެން އިނދެފައި، މަޖުދާ މަޑުމަޑުން ބުނެލިއެވެ. އެ އަޑުގައި ވަނީ ހައިރާންކަމެވެ. ނަދީމް އެއްޗެއް ނުބުނެ މަޖުދާއަށް ނަޒަރެއް ދެމުން ބޯޖަހައިލިއެވެ.
“ބަލާލަބަލަ ހައިކަލް އާއި އާމިލާއަށް.. ދެން ބަލާލަބަލަ ޔުމާންއަށް… ދެން އަހަރެމެން އެހެން އެންމެންގެ މޫނުތަކަށް ބަލާލަބަލަ، ތަފާތެއް ފާހަގައެއް ނުކުރެވޭތަ؟” މަޖުދާ އަހާލިއެވެ. ނަދީމްގެ ނިތައް ރޫތަކެއް އަރައިގެން ދިޔައެވެ. ނިތް އަރުވާލި ގޮތުން މަޖުދާގެ ވާހަކަތަކުން ކަމެއް ފަހްމް ނުވާކަން ހެކިދެއެވެ.
“ގިނަ ދުވަހު އެމީ އުޅުނީ އަހަރެމެންނާއި އެއްކޮންނު.. އޮފްކޯޒް އަހަރެމެން ނުލާހިކު ދެރަވެފަ މިތެބެނީ އެކުއްޖާއަށް އެދިމާވި ހާލުން.. އެކަމަކު ބަލާލަބަލަ އެ ތިން މީހުންގެ މޫނަށް.. ހައިކަލް ތަނެއްގަ ނުވެސް އިށީންދެވިފަ.. އިރުކޮޅަކާހެން އެބައަހާ އެމީގެ ހަބަރެއް.. ދެން އާމި، އެދޮރުން ކަޅި ނުނެއްޓޭ.. ބަލާ އިންގޮތް.. އަހަންނަށް ހީވަނީ އޭނާ ދެންމެ ރޯންވެސް ރޮއެފިހެން. އިސްޖަހައިގެން އިނީމަ މާ ރަނގަޅަކަށް ނޭނގޭ.. ދެން ޔުމާން، ނާޔޫގެ އަތުގަ ހިފަހައްޓާއިގެން ހުރިގޮތް.. ވަރަށް އެހެން ކަހަލަ އިހްސާސެއް އަހަންނަށް ކުރެވެނީ؟ ދުވަސްކޮޅެއް ވެއްޖެ މިހެން މަށައް ފާހަގަ ވާތާ.. އައިސީޔޫއަށް ވަދެވެން އިންނަ ގަޑިއަށް ކޮންމެ ފަހަރަކު ވެސް އެމީގެ ކައިރިއަށް ހައިކަލް އާދެ.. ޔުމާން އާއި އެގޭ އެހެން ކުދިން ވެސް.. އާމި ވެސް.. އެމީ ޖޮބަށް ދާންފެށިފަހުން އެނގޭ ދޯ އެމީހުންނާއި ކްލޯޒް ވަރު، އެކަމަކު މިބުނީ އެގޮތަކަށް ނޫން.. ވަރަށް އެހެން ކަހަލަ ފީލިންގްއެއް އަންނަނީ.. ބުނެދޭން ވެސް ނޭނގޭ ކަހަލަ. މިއަދު އަދި އެމީހުންގެ މޫނުން ފެންނަ ކުލަވަރު މާ ބޮޑަށް ވެސް ތަފާތު..” މަޖުދާ ތަފްސީލް ކޮށްލިއެވެ. އެޖަވާބުން ނަދީމްގެ ސަމާލުކަން ވެސް އެކަމަށް ދޫވިއެވެ. ނަމަވެސް އޭނާއަށް ކަމެއް ފާހަގައެއް ނުކުރެވުނެވެ. ބަލަހައްޓައިގެން އިނދެ އިނދެފާ ދެކޮނޑު އަރުވާލިއެވެ.
“އަހަންނަކަށް ވަކި ތަފާތެއް ނުކުރެވޭ.. އެމީހުން އެހާ ކްލޯޒް އޭ އެމީއާއި ދެން ދެރަވާނެ އެންނު.. އާމިއާއި ހައިކަލްގެ އަންހެން ދަރިފުޅު މަތިން ހަނދާން ވާ ވާހަކަ ބުނި އެމީ ފެންނަ ކޮންމެ ފަހަރަކު …އެހެންވީމަ ސްޕެޝަލް ވާނެ އެންނު.. މަޖޫ ވެސް ދޯ.. ދެން ތިވަރުން ޑިޓެކްޓިވްއަކަށް ވާން ވީ އެންނު.. އެހާ ހައި ކޮން ވިސްނާނެ” ނަދީމް ދެފަރާތައް ބޯހޫރުވާލިއެވެ. އެޖަވާބު މަޖުދާއަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. އޭނާއަށް ނަދީމްގެ މޫނަށް ބަލައިލެވުނީ ނުރުހުމާއި އެކުގައެވެ. ދެވަނަ ސިކުންތު ކަޅިއަޅާލައިފިއެވެ. އެހާ ތަފްސީލާއި އެކު އޭނާ ނަފްސަށް އިޙްސާސްވަމުން ދިޔަ ކަންކަން ކިޔައިދިނުމުން ވެސް ނަދީމަށް އެކަމާއި ވިސްނުން ހިނގާލެވޭ ގޮތް ނުވުމުން އިތުރަށް އެވާހަކަ ދައްކަކަށް މަޖުދާ ގަސްތެއް ނުކުރިއެވެ.
” އަޅެ ނަދީމްގެ ބޮލަށް ތިހުންނަނީ ތެޔޮއަރާފަތަ؟ އާން އެހެންޏަ!” ދެފަރާތައް ބޯހޫރުވާލަމުން މަޖުދާއަށް ކުދިކިޔާލެވުނެވެ. ނަދީމް އެއްޗެއް ނުބުނެ ލާނެތް ގޮތަކަށް ހީލިއެވެ. އިތުރަށް އެކަމާއި ބަހުސް ކުރެވޭ ގޮތެއް ވެސް ނުވިއެވެ. ޑޮކްޓަރެއް ނުކުމަތް މަންޒަރު ފެނި އެދިމާލަށް އެންމެ ފުރަތަމަ ވެސް ދުއްވައިގަތީ ހައިކަލްއެވެ. އެ މަންޒަރު ބަލަން އިނދެފައި މަޖުދާ ވެސް އިންތަނުން ތެދުވިއެވެ.
“އަލްހަމްދުލިއްލާހް ހޭ އަރައިފި.. މިވަގުތައް ސްޓޭބަލް .. އަޅުގަނޑުމެން ޓެސްޓުތައް ވެސް ހަދާލައިފިން، ވަރަށް ރަނގަޅަށް ފެންނަނީ.. މިހާރު އެދަނީ ރޫމްއަށް ބަދަލުކުރުމުގެ މަރުހަލާ.. ” ހިނިތުން ވެލައިގެން ހުރެ ޑޮކްޓަރު އަމީރާގެ ހާލަތާއި ބެހޭގޮތުން ތަފްސީލްކޮށްދެމުން ދިޔައެވެ. އެއިން ކޮންމެ ޖުމްލައަކުން އެންމެންގެ މޫނުތަކުން ތަސައްލީ ފެނުނެވެ. ޑޮކްޓަރު ވާހަކައަށް ފަހު ދާން ހިނގައިގަނެފައި އިޔާންއަށް މަޑުމަޑުން ގޮވާލިއެވެ. އެހެން މީހުން އުފާފާޅުކުރުމުގައި އުޅުމުން އެކަމެއް ނަގައެއް ނުގަނެވުނެވެ.
“އަމީރާގެ މެމޮރީސްއާއި އާއި ބެހޭ ގޮތުން އެއްވެސް ކަމެއް-” އިޔާންގެ ސުވާލު މެދުކަނޑާލާފައި ޑޮކްޓާރު ވާހަކަ ދައްކަން ފެށިއެވެ.
”ތި ވާހަކަ ދައްކާލަން އަޅުގަނޑު މިއުޅެނީ.. އަމީރާގެ ހުރިހާ ޓެސްޓުތަކަކުން ހުރިހާ ކަމެއް ވެސް ނޯމަލް.. ވަރަށް ބާރު ސްޕީޑްގަ ހާލު ރަނގަޅުވަމުން އެދަނީ.. އެކަމަކު-” ޑޮކްޓަރު ކިޔައިދިނީ އަމީރާގެ ވާހަކަ ތަކެވެ. ނާހަން އުޅެފައިވެސް އަމީރާގެ ހަނދާނުގައި ކަމެއް ހުރިތޯ ސުވާލުކުރުމުން އެއްވެސް ކަމެއް ހަނދާނުގައި ނެތް ކަމަށް އަމީރާ ބުނި ވާހަކަ ބުނެލިއެވެ.
“އެއްވެސް ކަމެއް؟”
“ނޫނޭ.. އެކްސިޑެންޓުގެ ހުރިހާ ކަމެއް ވެސް އަދި ފަހުގެ ހުރިހާ ހަނދާނެއް ވެސް ހުރި ކަމަށް ބުނި.. އެކަމަކު އެންމެ ކުރީގެ މެމޮރީސް އަދިވެސް ނެތް..” އޭނާ ބުނެލިއެވެ. އިޔާންގެ މޫނުމަތިން ފެނުނީ ފުން މާޔޫސްކަމެވެ.
“ކަންބޮޑުނުވޭ.. ޓެސްޓުތަކުން ފެނުނު ކުރިއެރުމަށް ބަލާފަ އަޅުގަނޑު ބުނާނީ އިންޝާﷲ، ކުރިއެރުން ލިބޭނެއޭ ވަރަށް އަވަހަށް.. އެހާ އަވަހަށް މާޔޫސް ވާކަށް ނުވާނެ.. އަޅުގަނޑުމެންނަށް މިކޮޅުން ދެވެން ހުރި ހުރިހާ ފަރުވާއެއް ވެސް ދޭނަން” އިޔާންގެ ކޮނޑުގައި ޖަހާލަމުން އިރުކޮޅަކު ވާހަކަ ދައްކަން ހުރެފައި އޭނާ ދިޔައެވެ.
އެވާހަކަތަކުން ކިތަންމެ ހިތައް އުނދަގޫ ވީ ނަމަވެސް، އަމީރާ ހޭ އެރި ހަބަރާއި އެކު ހިތުގައިވީ އުދާސްތައް ފިލައިގެން ދިޔައެވެ. ހިތް އަވަސްވެފައިވާ ހާލު، އެހެން މީހުންނާއެކު އިޔާން ވެސް ގޮސް މަޑުކޮށްލީ ޕްރައިވެޓް ކޮޓަރިތައް ހުންނަ ފަންގިފިލާގެ ކޮރިޑޯގައެވެ. ދެކޮޅަށް ހިނގާލަ ހިނގާލައި އެންމެން ތިބޭތާ އިރުގަނޑެއް ވީފަހުން، ލިފްޓުން ނެރެގެން އަމީރާ އޮތް އެނދު ކޮރިޑޯގެ މަގުން ގެނައި މަންޒަރު ފެނުނެވެ. އެނދުގެ ވަށައިގެން ނަރުހުންނާއި އެޓެންޑެންޓުން ތިބުމުގެ ސަބަބުން، ދުރުގައި ތިބި އެއްވެސް މީހަކަށް އޭނާގެ މޫނު ރަނގަޅަކަށް ނުފެނުނެވެ.
އެތެރޭގައިވެސް އިރުކޮޅެއް ވެގެން ދިޔަ ފަހުން ކޮޓަރިން އެއްބަޔަކު ނުކުތެވެ. އަދި އެތެރެއަށް ވަދެވޭނެކަމުގެ ހަބަރު ދިނުމުން އެންމެން އެއްކޮން އެތެރެއަށް ވަނެވެ.
ދޮރު ހުޅުވުނު އަޑަށް އަމީރާ މަޑުމަޑުން އިސްއުފުލައި ބަލައިލިއެވެ. އެންމެންގެ ތެރެއިން ވެސް، ފުރަތަމަ ވެސް އޭނާގެ ނަޒަރު ހުއްޓުނީ ކޮޓަރީގެ ތަންކޮޅެއް ދުރުގައި، ކަންބޮޑުވުމުން ފުރިފައިވާ މޫނުތަކާއިއެކު މަޑުކޮށްލައިގެން ތިބި އާމިލާއާއި ހައިކަލްއަށެވެ. އެއީ ހަމަ އެ މޫނުތަކެވެ. އެއީ އަމިއްލަ ދަރިފުޅުކަން އަދިވެސް ނޭނގި، ހިތްދަތިވެފައި ހުރި އާމިލާގެ މޫނުމަތީގައިވި ކުލުނާއި، އަމީރާއަށް ބަލަހައްޓައިގެން ހުރި ހައިކަލް ފެނި، އަމީރާގެ މުޅި ހަށިގަނޑުގައި ދިލަ ވޭނެއް ދައުރުވެގެން ދިޔައެވެ. ދުވެފައި ގޮސް އެ ދެމީހުންގެ ގައިގައި ބައްދައިގަނެ، “މަންމާ، ބައްޕާ” އޭ ކިޔައި ރޯން ހިތް ގޮވައިލި ނަމަވެސް، ޝާއިރާމެންގެ އަނިޔާވެރިކަމަށް އިންޞާފު ހޯދަން ހިތުގައިވި ވަރުގަދަ އަޒުމް ހަނދާނަށް އައެވެ. އެތެރެއަށް ކަރުނަތައް ހިންދައިލަމުން، ރޮވިދާނެތީ ބާރަށް ތުންފަތުގައި ދައިގަތެވެ. އެހެނަސް ހީވީ ދެންމެ ދެންމެ ބޭޒާރުވެގެން ގޮސްފާނެ ހެންނެވެ.
ދެން އޭނާގެ ލޮލުގައި އަޅައިގަތީ އެމީހުންގެ ކައިރީގައި ތިބި ޔުމާންއާއި ވިޝާމް އަދި ސަދަފްގެ މޫނެވެ. އެއީ އޭނާގެ ލޯބިވާ ބޭބެމެންނެވެ. ކުޑައިރު އޭނާއަށްޓަކައި ފުރާނަ ދޭން ތައްޔާރަށް ތިބި އޭނާގެ އަމިއްލަ ބޭބެމެން މިއަދު އެހެރީ ކުރިމަތީގައެވެ. ޔުމާންގެ ދެލޮލުން ފެންނަމުން ދިޔަ ފުން ކަންބޮޑުވުމާއި، ވިޝާމްގެ މޫނުމަތީގައިވި ހިތާމައިގެ އަސަރުން އަމީރާގެ މޭ ފިސްފިސްވާ ވަރުވިއެވެ. އަދި އޭނާއަށް ބަލަން ހުރި ސަދަފްގެ އެ އޯގާތެރި ބެލުމުން، އެތައް އަހަރެއް ވަންދެން ބީރައްޓެހިވެފައި އޮތް ވަރުގަދަ ގުޅުމުގެ ފުން އަސަރު މުޅި ހަށިގަނޑަށް އިޙްސާސްވިއެވެ. އެ ހުރިހާ ލޯތްބެއް އެއްފަހަރާ ފެނުމުން ކަރުބުޑުގައި ގިސްލުމެއް ތާށިވިއެވެ. އެހެންނަމަވެސް، އެއްވެސް މީހަކަށް ޝައްކެއް ވެދާނެތީ، އޭނާ އަވަސް އަވަހަށް އިސްތިރިކޮށްލަމުން އަނެއްކާވެސް އަމިއްލަ ނަފުސު ކޮންޓްރޯލްކޮށް، އެ ބޮޑު ސިއްރު ހިތުގެ އެންމެ ފުންމިނުގައި ވަންހަނާކޮށްލިއެވެ. އެމީހުންގެ ތެރެއިން އެތަނުގައި މާއިން ފެންނަން ނެތުމުން ދެރަވިއެވެ. އެކަމަކު، އޭނާ ކޮބާތޯ އަހާލާނީވެސް ކޮން ހައިސިއްޔަތަކުން ހެއްޔެވެ.
“ދަރިފުޅާ، ކިހިނެތްތަ؟” އަމީރާއަށް ހައިކަލްއާއި އާމިލާގެ މޫނުން ނަޒަރު ވަކިކޮށްލަން ހަނދާންވީ މަޖުދާ އަތުގައި ހިފާލާ ވާހަކަ ދެއްކުމުންނެވެ. ކަރުނަތައް ދިރުވާލަމުން އަމީރާ މަޑުމަޑުން ރަނގަޅޭ ބުނެލިއެވެ. މަޖުދާ ހިނިތުންވެލަމުން އަމީރާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލިއެވެ.
“އެމީ ވަރަށް ވަރުބަލިވެފަ ހުންނާނީ މިހާރު .. އަހަރެން މަޑުކުރާނަން ، އެހެން މީހުން ހެނދުނު އަންނަން ދާންވީނު” މަޖުދާގެ މަގަތައް ހުއްޓިލަމުން އިޔާން ބުނެލިއެވެ.
އިޔާންގެ އަޑަށް އަމީރާ އިސްއުފުލާލިއިރު ބަލަހައްޓައިގެން ހުރިގޮތުން އޭނާއަށް ވެސް ހުރެވުނީއެވެ.
“ތި ރީތިކޮން ބުނެބަލަ އަހަރެމެން ކައިރީގަ މިތަނުން ދާންއުޅޭށޭ، އެމީއާއި ވާހަކަ ދައްކަން ބޭނުމޭ” އިޔާންގެ މޫނުން ނަޒަރު ދުރުކޮށްލަން އަމީރާ ހަނދާންވީ ވިޝާމްގެ އަޑު ކަންފަތުގައި ޖެހިފައެވެ.
ދެން އިވުނީ އެހެންމީހުންގެ ހުނުމުގެ އަޑެވެ. ދާން ބޭނުން ނުވެފައި ތިބެ ހައިކަލްއާއި އާމިލާ ވެސް ނުކުތެވެ. އެމީހުންގެ ފަހަތުން އެހެން މީހުންވެސް ދާންފެށިއެވެ.
އެންމެންތައް ނުކުމެ އިޔާންއާއި އަމީރާއާއި އެކަނި ވެއްޖެއެވެ. ދެމެދަށް ވެރިވެފައި ވަނީ އާދަޔާއި ހިލާފް ހަމަހިމޭންކަމެކެވެ. އިޔާންގެ މޫނަށް ބަލާލާފައި ވެސް އަމީރާ އިސްޖަހައިލިއެވެ. ފުން ހިޔާލަކަށް ގެއްލިފައި އިންގޮތަށް އޭނާ އިންއިރު، އިޔާން އޭނާއަށް ބަލަހައްޓައިގެން ހުރިކަން އިހުސާސް ވެސް ނުވާ ކަހަލައެވެ. އެ ހިމޭން ވަގުތުކޮޅުގައި ވެސް އަމީރާގެ ވިސްނުންތައް ހިސާރުކޮށްފައިވަނީ އާއިލާގެ ހަނދާންތަކެވެ. އާމިލާއާއި ހައިކަލްގެ ހަނދާންތަކެވެ. އަލުން އެނބުރި އައި މާޒީގެ ތަސްވީރުތަކުން އޭނާގެ ސިކުނޑި ވަނީ ބަރުވެފައެވެ. އެ ހުރިހާ ވާހަކައެއް އިޔާންއާ ހިއްސާކުރަން ހިތް އެދެމުން ދިޔަ ނަމަވެސް، ފަށާނެ ގޮތެއް އޭނާގެ ސިކުނޑިއަކަށް ނައެވެ.
އެ ހިޔާލުތަކުން އަމީރާއަށް ބޭރުވެވުނީ، ކޮޓަރީގެ އަލި ފަނޑުކޮށްލުމުންނެވެ. އެނދާއި ތަންކޮޅެއް ދުރުގައި ސްވިޗް ކައިރީ ހުރެފައި އިޔާން އޭނާއާ ދިމާލަށް ބަލައިލިއެވެ.
“އުނދަގޫވީތަ؟” އަމީރާ އިސްއުފުލައި ބަލައިލުމުން، އިޔާން މަޑުމަޑުން އަހައިލިއެވެ.
ދެފަރާތަށް ބޯހޫރާލަމުން އަމީރާ އިޔާންގެ މޫނަށް ފުންކޮށް ބަލައިލިއެވެ. ކޮޓަރީގެ ފަނޑު އަލިކަމުގެ ތެރެއިން ވެސް، އެ ދެލޮލުގައި ބޮނޑިވެފައިވި ކަރުނަތައް ފެނި އަމީރާއަށް ތުންފަތުގައި ދައިގަނެވުނެވެ. ދެމީހުންގެ މެދުގައި އޮތް ހުރިހާ ދުރުކަމަކާއި ހަމަނުޖެހުންތައް އެއްކައިރިކޮށްލަން އަމީރާ އެހާ ބޭނުންވި ވަގުތެއް ނާދެއެވެ. އިޔާންގެ އެ ހިތްދަތި މޫނު ފެނުމުން އަމިއްލަ ތަކުލީފުތައް ވެސް ހަނދާން ނެތުނު ކަހަލައެވެ.
އިޔާން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އައިސް، މަޑުކޮށްލީ އެނދާއި ނުހަނު ގާތުގައެވެ. ދެމީހުންގެ ދެލޯ ހަތަރުކަޅި ހަމަވި ހިނދު، ބުނަން ބޭނުންވި އެތައް ވާހަކައެއް ކަރުބުޑުގައި ތާށިވެ، ބަސްތައް ދުލާ ހަމައަށް އަންނަން އިންކާރުކުރިއެވެ. އަމީރާ މަޑުމަޑުން އަތް ހިއްލާލައި، އިޔާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލިއެވެ. އެ ފިނިވެފައިވާ އަތްތިލައިގެ ބީހުމާއެކު، އިޔާންގެ މުޅި ހަށިގަނޑަށް ވެސް އެނގުންވެލިއެވެ. އެ ދެލޮލަށް ބަލަހައްޓައިގެން ހުންނާނެ ހިތްވަރެއް ގަޔަކު ނެތެވެ.
އޭނާ އަވަސްއަވަހަށް ނަޒަރު ދުރުކޮށްލަމުން، ދުރުބަލައިލި ގޮތަށް ނުހަނު ބާރަށް ތުންފަތުގައި ދަތްއަޅައިލިއެވެ. ހިތްވަރުކޮށްފައި ކަރުނަތައް އެތެރެއަށް ހިންދާލަން ކިތަންމެ ވަރަކަށް އުޅުނު ނަމަވެސް، ކޯތާފަތް މައްޗަށް އެ ހޫނު ކަރުނަތިކިތައް ފުލުފުލުގައި ފައިބައިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.
އިޔާން އެހާވަރަށް ރޯތަން ބަލާކަށް އަމީރާއަކަށް ކުޅަދާނައެއް ނުވިއެވެ. ހަށިގަނޑުގައި ހުރި ރިހުމަށް ވެސް ބެލުމެއް ނެތި، މަޑުމަޑުން އެނދުން ތެދުވެ އިޔާންގެ ކުރިމަތީގައި ކޮޅަށް ހުއްޓުނެވެ. އެ މަންޒަރު ފެނި، އިޔާން ހިންދިރުވާލާފައި އަވަސްއަވަހަށް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
“އެމީ.. ނޫން، އިށީން—” ކުރެހިފައިވި އަޑަކުން އިޔާން ބުނަން މަސައްކަތް ކުރި ޖުމްލަ ފުރިހަމަ ނުވަނީސް، އޭނާގެ މެދުހަށީގައި އަމީރާ ދެއަތުން ބާރަށް ބައްދާލިއެވެ.
“ޝުޝްޝް” އެގޮތުގައި ހުރެފައި އަމީރާ ދުރުވެލަމުން އިޔާންގެ ތުންފަތުގައި ނުހަނު މަޑުމަޑުން ސަހާދަތް އިނގިލިން ޖައްސާލިއެވެ. ނަމަވެސް އެ ކަރުނަތައް ހުއްޓުވާލުމުގައި ކާމިޔާބެއް ނުލިބުނެވެ. ފާއިތުވެ ދިޔަ ހަފްތާވެސް ހީވީ އޭނާގެ ހަށިގަނޑާއި ފުރާނަ ދެތަންވެފައިވާ ހެންނެވެ. ހަށިގަނޑުގައި ދިރުމެއް ނެތެވެ. މިރޭ އަމީރާ އެގޮތުގައި ކޮޅަށް ހުރިތަން ފެނުމުން އިޔާންއަށް ރޮވުނީއެވެ. ސިފަވެގެން ދިޔައީ އެއްވެސް ދިރުމެއްނެތި މެޝިންތަކުގެ އެހީގައި އަމީރާ އޮތް ގޮތެވެ. އަމީރާ ވަކިވެގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަމުގައި އޭނާ ހޭދަކުރި ނާމާން ވަގުތުތަކުގެ ވޭނާއި ރިހުން ދުލުން އެންމެ ލަފުޒެއް ބޭރުނުކުރި ނަމަވެސް، އެ ހިމޭން ކަރުނަތަކުން، ޝަކުވާގެ ސިފައިގާ ބޭރުވަމުން ދިޔައެވެ. އަމީރާގެ އަތުގައި ހިފާ ގެނެސް ގަޔާލާ އަނެއްކާވެސް ބޮނޑިކޮށްލެވުނެވެ.
“އައުޗް” އިރުކޮޅެއް ވެގެން ދިޔަ ފަހުން އަމީރާއަށް ތަދުވެގެން އަނގައިން އަޑެއް ލައްވާލެވުނެވެ. އިޔާން ތެޅިގަނެފައި ދުރުވިއިރު އައިވީ ކެނިއުލާގައި އޭނާގެ އަތް ވަނީ އެޅުވިފައެވެ.
“އަމް ސޯ ސޮރީ” އިޔާން މާފަށް އެދެމުން އަމީރާ ގެންގޮސް އެނދުގައި ބޭއްވިއެވެ. އެހާ އަވަހަށް އެގޮތުގައި މާ ގިނައިރު ކޮޅަށް ބަހައްޓަން ބޭނުން ނުވީއެވެ.
”މިތާގަ އޮށޮވެލާ..ވީ ނީޑް ޓު ޓޯކް” އިޔާން އެނދުގެ މަގަތުގައި ހުރި ގޮނޑި ގާތްކޮށްލަމުން އިށިންނަން އުޅުމުން އަމީރާ އެކަމާއި ދެކޮޅު ހަދަމުން އޭނާގެ މަގަތައް ވާހެން، އެނދުގައި ވާ ހުސް ޖާގަ ދައްކާލިއެވެ. އިޔާން ލުއި ހިނިތުންވުމަކާއި އެކު ބޯޖަހައިލިއެވެ. އަމީރާ އެދުނުހެން ގާތުގައި އޮށޯވެލިއެވެ. އެހިނދު އިޔާންގެ އަތްދޮށަށް ބޯ ލައްވާލަމުން އެމޭގައި އަމީރާ ފޮރުވުނެވެ. އެހެން އޮވެ އިޔާންގެ މޫނަށް ބަލައިލިއެވެ. އަމީރާގެ ކޯތާފަތުގައި ނުހަނު މަޑުމަޑުން އަތުގެ ނުފުށުން ބީއްސާލިއެވެ.
“އައި މިސް ޔޫ” އިޔާން މަޑުމަޑުން ބުނެލިއެވެ. އަމީރާ އިޔާންގެ އަތުގައި ހިފާލަމުން އެއަތުގައި ބޮސްދިނެވެ.
“އައި ލަވް ޔޫ ” އިޔާންގެ ކޯތާފަތުގައި ތުންފަތް ޖައްސާލަމުން އަމީރާ އިއްވާލިއެވެ. ދުރުވެލަމުން އެ ލޯބިވެތި ހިނިތުންވުން އިޔާންއަށް ހަދިޔާކޮށްލިގޮތުން، ކަރުނައިގެ ތެރެއިން ވެސް އިޔާންއަށް ހީލެވުނެވެ.
“މައި ސްލީޕިންގް ބިއުޓީ.. ކިސް އަކުން ހޭލައްވާލަންދެން ދޯ ތިއޮތީ.. އެނގުނުތަ؟” އިޔާން އަހާލިއެވެ.
“އައި ފެލްޓް ޔޯ ލިޕްސް އެކަމަކު ދެން ނޭނގުނު ވީ ގޮތެއް.. ކޯމާގަ އޮންނައިރުވެސް ފީލްވާނެ.. ކޮންމެ ދުވަހަކު އައިސް އެމީގެ އަތުގައި ހިފައިގެން އިންނަމެންނު…” އަމީރާ ބުނެލިއެވެ.
” އައި ތޯޓް ހޭއެރީމަ އެންމެ ފުރަތަމަ ވެސް ރުޅި ކަމަށް އަންނާނީ..ބިފޯރ އެކްސިޑޭންޓް-”
“އަދި ފައިޓް ކުރާނަމޭ.. ވެއިޓް އަހަރެންގެ ގައިގަ ވަރުޖެހެދެންދެން.. އައި ނީޑް ދިސް، ޓް ގެއިން މައި ސްޓްރެންތް ބެކް” އިޔާންގެ ވާހަކަތައް މެދުކަނޑާލާފައި އަމީރާ ބުނެލިއެވެ. ކުރިއަށް ވުރެން ބޮޑާށް މޭގައި އަމީރާ ފޮރުވުނެވެ. އެއަދާއިން އެކަނިވެސް އެވާހަކަ ދައްކަން އަދި ބޭނުންނުވާކަން ހެކިދެއެވެ. ވާހަކަ ދައްކައިގެން ދެމެދުގައި ޖެހިފައިވާ މައްސަލަ ހައްލުކުރަން އިޔާން ބޭނުންވީ ނަމަވެސް އަމީރާއަށް ވަގުތު ދިނުމުގެ ގޮތުން އެވަގުތައް ދޫކޮށްލިއެވެ. އަމީރާގެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު ނުވާތީ އިޔާންއަށް ހަމަޖެހިލެވުނެވެ.
“ކޮބާތަ ދައްކަން ބޭނުންވި ވާހަކަ.. އެމީ ބޮލުގަ ރިއްސާތަ؟ ބުނައްޗޭ، އޭރުން ޕިލޯގަ ބާއްވާލަ ދޭނަން” އަމީރާގެ ބޮލުގައި އިޔާން ފިރުމާލިއެވެ. އޭނާ ރަނގަޅުކަމަށް ބުނެފައި އަމީރާ ކުޑަކޮން އިޔާންގެ މޫނަށް ބަލައިލިއެވެ.
“މްމްމް، މާދަމާ ދޯ.. ނިދި އަންނަ ގޮތް ވެއްޖެ” އަމީރާ ވިސްނާލާފައި އެވާހަކަ އެވަގުތައް ނުބުނެ ދޫކޮށްލިއެވެ. އަމީރާ ބުނަން އުޅުނީ އޭނާގެ ހަނދާންތައް ލިބުނު ވާހަކައެވެ. އިޔާން ބޯޖަހައިލިތަން ފެނި ލިބުނު ހިތްހަމަޖެހުމުގައި ދެލޯ މަރާލީ ނިދާލެވޭތޯއެވެ.
*****
އިރުގެ އަލިކަން ދުނިޔެ މައްޗަށް ފާއްދާލުމާއެކު، މަގުތައް ހަލަބޮލިވެ މީހުންތައް ހޭލަމޭލަވާން ފަށައިފިއެވެ. ކޮޅުކޮޅަށް ދުއްވަމުން ދިޔަ ވެހިކަލްތަކުން މަގުތައް ވަނީ ތޮއްޖެހި، ފުރިބާރުވެފައެވެ. އެ ހަލަބޮލިކަމުގެ ތެރެއިން ލައިލާއާއި ޒާހިރު ގެއިން ނުކުތީ އަމީރާގެ ހާލު ދެކިލުމަށްޓަކައި ހޮސްޕިޓަލަށް ދިއުމަށެވެ. މަގުމަތީގެ ބާރުބޮޑުކަމުންނާއި ޓްރެފިކްގައި ޖެހުމުގެ ސަބަބުން، ހޮސްޕިޓަލާ ހަމައަށް އެމީހުންނަށް ދެވުނީ ވެސް ދަތުރު ފެށިތާ އިރުގަނޑެއް ފަހުންނެވެ.
“މިރޭ އެމީހުންނަށް ދައުވަތު ދީގެން މިކަން ވާނެހެންނެއް ހިއެއް ނުވޭ ދޯ؟ ނަދީމާއި މަޖޫ ނެތިއެއް މިކަމެއް ނުވާނެ އެންނު” ކާރު ޕާކުކުރުމަށްފަހު ފައިބަމުން، ޒާހިރު ވިސްނުމަކަށް ގެއްލިފައި ހުރެ ބުނެލިއެވެ.
“އަހަރެންގެ ހިތަށް ވެސް އަރަނީ ހަމަ ތިހެން. އެ ދެމަފިރިން އެގެންގުޅުނީ އެމީ މިހުރިހާ ދުވަހު. އެހެންވީމަ އެމީހުންނަށް ވެސް މި ހުރިހާ ހަގީގަތެއް އެނގެން ޖެހޭނެ” ލައިލާ ވެސް އެ ވާހަކައަށް އެއްބަސްވަމުން ބުންޏެވެ. “ރޭގަ ޑޮކްޓަރުން ފަހުން ބަލާފައި ބުންޏޯ، ދެ ދުވަހެއް ވަރު މޮނީޓާ ކޮށްލުމަށްފަހު ފަހަރެއްގައި ގެއަށް ދޫކޮށްލާނަމޭ”.
“އެހެންތަ؟” ޒާހިރު މަޑުމައިތިރިކަމާއެކު ބޯޖަހައިލަމުން ބުނެލިއެވެ. އެއަށްފަހު ދެމީހުން އެކުގައި އަވަސް ހިނގުމެއްގައި ހޮސްޕިޓަލުގެ މައި ދޮރާ ދިމާލަށް މިސްރާބު ޖެހިއެވެ.
“ލިއޯ ކޮބާބަ؟ ހޫގޯގެ ގެއިން ނުކުންނަން މިހާރު އުޅޭނީ .. އެހެންވެ ނުގުޅަން މިހުންނަނީ. މަހާއަށް އިއްޔެ ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިދިނިން، ބުނިން ލަންޑަންގެ ގަޑިން މިރެއޭ ލިއޯއަށް ދެވޭނީ.. އޭގެ ކުރިން މަހާ ރެޑީ ވެލައިގެން ހުންނަން ބުނިން، އެކޮޅުން މާދަމާ ނޫން އަނެއް ދުވަހު މެންދުރު ފުރާ ފްލައިޓްއަކުން އެމީހުން މާކް ގޮވައިގެން އަންނާނީ.. އޭގެ ކުރިން މިރޭ ލިއޯ ގޮސްފަ އެމީހުން ހޮސްޕިތަލުން ނެރެ އެޕާޓުމަންޓަކަށް ޗޭންޖުކުރާނެ.. ވިޝާމް ކިޔަވަން އުޅުނު އިރުގެ އެކުވެރިން މެދުވެރިކޮށް ހޮސްޕިޓަލުން ލިއުމެއް ހޯދާނެ ވާހަކަ ވިޝާމް ބުންޏޭ މަހާ ބުނި.. އޭރުން ދައްޗެއް ނުވެ އެމީހުންނަށް މިކޮޅަށް އާދެވޭނެ.. ލިއޯ ވެސް ޓިކެޓްގެ ހުރިހާ ކަމެއް ފައިނަލް ކޮށްފަ ރޭގަ ބުނީ” ލައިލާ ފޯނުން އެވަގުތުވެސް ދިޔައީ މަހާއަށް މެސެޖުކުރަމުންނެވެ. އޭނާގެ ވާހަކައަށް ޒާހިރް ބޯޖަހައިލިއެވެ.
“މަހާތަ؟ ލައިލާ ވަރަށް ގާތް ދޯ! އަޅެ އަހަރެން ވެސް ބޭނުން އެކުއްޖާއާ ދިމާވެ ވާހަކަ ދައްކާލަން. ވަރަށް ރަނގަޅު ކުއްޖެއް ދޯ؟ ހާދަ ފުރިހަމައަކަށޭ އަހަރެމެންގެ މާކް ބަލައިދެނީ.. އެ މަންހާއަށް ވެސް އެފަދަ ރަނގަޅު ސިފަތަކެއް ލިބުނު ނަމަ ކިހާ ރަނގަޅު؟ ހަމަ އެކެއްގެ ބަނޑުން ވިހޭ ދެބެން ވިއްޔަ،” ޒާހިރު އެ ފުރުސަތުގެ ބޭނުން ހިފައި، މަހާއަށް ތައުރީފުކޮށްލިއެވެ. އޭނާގެ ވާހަކަ އިވިފައި ލައިލާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“އާނ، ޒާހިރު ތިބުނީ ހަމަ ރަނގަޅަށް. މަހާއާ ގާތް ނުވާންވީ ސަބަބެއް ނެތެއްނު މިހާ ދުވަސް ވީއިރު. އޭރު ޒަންމެންނާ މަހާ ދިމާވި ފަހުން، އަހަރެން ވެސް ކޮންމެ ދުވަހަކު މާކްގެ ހާލު ބަލަން އޭނާއަށް ގުޅައި ހަދަމެއްނު. އެއީ މިހާރު ހަމަ އަހަރެންގެ އަމިއްލަ ދަރިއެއް ފަދަ ކުއްޖެއް. ޒަންއެކޭ، މާކްއެކޭ، އެމީއެކޭ، މަހާއެކޭ… މަށަކަށް ތަފާތެއް ނޯންނާނެ. އަހަރެމެން ނުވެސް ދަންނަ ބަޔަކާ ހެދި ހާދަހާ ތަކުލީފެކޭ އެ މައުސޫމް ކުއްޖާ އެ އުފުލަނީ” ލައިލާ ބުންޏެވެ. އޭނާގެ ދުލުން ބޭރުވި ކޮންމެ ލަފުޒަކުން ވެސް މަހާއާ މެދު ހިތުގައި އޮތް ފުން ލޯތްބާއި ކުލުނު ފާޅުވެއެވެ.
“ވިޝާމްއާއި ޒަންއާއި ހަމައަށް ވެސް މިހާރު ދެން ދާން ވެއްޖެ.. އެކަމަކު ލިއޯއަށް ސްޕެއިން އިން ބޭރުވެވެންދެން މި މަޑުކުރަނީ.. މަހާގެ ޒަރީއާއިން ވިޝާމްގެ އެހީތެރިކަން ވެސް ވަރަށް އެބަ ލިބޭ.. ޒަން ވެސް ބުނާނެ ދޯ އަހަރެމެން ހާދަ ގޯހޭ.. ލިއޯގެ ވާހަކަ ވެސް މަހާގެ ފުށުންޏޭ އިވުނީ” ދެރަވެލާފައި ލައިލާ ބުނެލިއެވެ. އެހެން ނުވިސްނުމަށް ނަސޭހަތްތެރިވަމުން ، ލައިލާ ހިތްހަމަ ޖައްސާލަދޭން ޒާހިރް މަސައްކަތް ކުރިއެވެ.
ދެމީހުން ވާހަކައިގައި ތިބެ ހޮސްޕިޓަލުގެ މައި ދޮރާއި ދިމާލަށް ހިނގަމުން ދިޔަ ވަގުތު، ގޯތިތެރޭގައި ހުރި ބޮޑު ގަހަކާއި ނިވާވެގެން ހުރި މީހަކު ލައިލާގެ ލޮލުގައި އަޅައިގަތެވެ. ފުރަތަމަ އެއީ އާދައިގެ ކަމެއް ކަމަށް ދެކި މާ ބޮޑު ސަމާލުކަމެއް ނުދެވުނު ނަމަވެސް، ކުއްލިއަކަށް ހިތަށް ވަތް ޝައްކާއި އެކު ފަސްއެނބުރި ބަލައިލެވުނެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ތޮއްޕެއް އަޅައިގެން ހުރި އެ ޒުވާނާ ފެނި، ލައިލާގެ ފިޔަވަޅުތައް ގަނޑުވިއެވެ. މޫނުމަތީގައި ސާޖިކަލް މާސްކެއް އަޅާފައި ހުރި ނަމަވެސް، އެ ތޫނު އަދި ނުރައްކާތެރި ދެލޮލުން އެކަނި ވެސް އެއީ ކާކުކަން ދެނެގަންނަން ލައިލާއަކަށް ސިކުންތެއް ވެސް ނުނެގިއެވެ. ދެލޯ ބޮޑުވެގެން ދިޔަ ވަގުތު، ލިބުނު ސިހުމުން އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ފަނޑުވެ، މީހާ ހުދުވެގެން ދިޔައެވެ.
ބަލަބަލާ ހުއްޓާ، މަޑުމަޑުން މާސްކު ތިރިކޮށްލަމުން ޖިނާން، އޭނާގެ މޫނު ހާމަކޮށްލިއެވެ. އަދި ލައިލާއާ ސީދާ ނަޒަރު ހަމަކޮށްލުމަށްފަހު، ތުންފަތްމައްޗަށް ވެރިކޮށްލި މަކަރުވެރި، ވިހަ ހިނިތުންވުން އެ އަނދިރި ދެލޮލާ ހަމައަށް ދަތުރުކޮށްލިއެވެ. އެއީ ފިނި ބިރުވެރިކަމަކުން ލައިލާގެ މުޅި ހަށިގަނޑު ތުރުތުރުއަޅުވާލި ވަގުތުކޮޅެކެވެ.
“ލައިލާ، ކިހިނެއްވީ؟” ވާހަކަ ދައްކަމުން ދިޔަ ޒާހިރަށް ފަސްއެނބުރި ބަލައިލެވުނީ، އޭނާއާއިއެކު ލައިލާގެ ފިޔަވަޅުތައް ކުރިއަށް ނާޅާކަން އިހުސާސް ކުރެވިގެންނެވެ. އެއްދިމާލަކަށް ކަޅިޖަހައިނުލައި، ހުއްޓުން އަރާފައި ހުރި ލައިލާ ފެނިފައި ޒާހިރަށް އޭނާގެ ގާތަށް އާދެވުނެވެ. ލައިލާގެ މޫނުމަތީގައިވި ކުލަވަރުން ކޮންމެވެސް ވަރަށް ކަމެއް ގޯސްވެއްޖެކަން ޒާހިރަށް ވަގުތުން ދެނެގަނެވުނެވެ. އޭނާ ދެތިން ފަހަރަކު ގޮވާލި ނަމަވެސް، ލައިލާއަށް އެ އަޑު އިވޭ ހެނެއް ހިއެއް ނުވެއެވެ.
“ލައިލާ! އޭތް، ލައިލާ!” އެންމެ ފަހުން އޭނާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން، ޒާހިރު ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
ކަޅި ޖަހައިނުލާ ލައިލާ ބަލަހައްޓައިގެން ހުރި ދިމާލަށް ޒާހިރު ވެސް ބަލައިލިއެވެ. އެވަގުތު ކޮންމެވެސް މީހަކު ފަހަތަށް ޖެހި، ގަހާއި ނިވާވެލިތަން ފެނުނު ނަމަވެސް، އެއީ ކާކުކަން އެނގޭ ވަރެއް ނުވިއެވެ. ލައިލާގެ ހާލަތު ހުރި ގޮތުން، އެއީ ކާކުތޯ ބަލަން ދިއުމުގެ ބަދަލުގައި، ޒާހިރު އޭނާގެ އަތުގައި ހިފައިގެން ހޮސްޕިޓަލުގެ އެތެރެއަށް ވެއްދިއެވެ.
ލޮބީގައި ހުރި ގޮނޑިއެއްގައި ލައިލާ ބައިންދާފައި، އެންމެ ކައިރިން ފެންނަން ހުރި ވެންޑިންގ މެޝިނުން ފެންފުޅިއެއް ގަނެގެން އައިސް ދިނެވެ. ތުރުތުރުއަޅަމުން ދިޔަ އަތަކުން ފެންފުޅީގައި ހިފައި، އޭގެ ބޮޑުބައި އެއްނޭވާއިން ދަމާލުމުން ވެސް ލައިލާގެ ނޭވާ އަދި ހަމައަކަށް ނޭޅެއެވެ. އަމިއްލަ ލެއިން އުފެދުނު ދަރިއަކު ފެނިގެން އެހެން މީހަކަށް އެވަރު ނުވި ނަމަވެސް، ޖިނާންއަކީ އޭނާގެ މުޅި ހަޔާތަށް ވެސް ހުރި ބޮޑު ނުރައްކަލެކެވެ. ފިލައިގެން ނުދާނެ ބިރުވެރިކަމެކެވެ. މުޅި މީހާ ހާސްވެ، މޫނު ހުދުވެފައި އިން ގޮތުން ކައިރީގައި ތިބި މީހުންގެ ނަޒަރުތައް އެމީހުންނަށް ހުއްޓެން ފެށިއެވެ.
އެހެން މީހުންގެ ސަމާލުކަން އެމީހުންނަށް ލިބެން ފެށުމުން، އެތަނުގައި މާގިނައިރު ތިބޭކަށް ޒާހިރަކަށް ކަމަކު ނުދިޔައެވެ. އަދި އަމީރާ އޮތް ކޮޓަރިއަށް ދިއުމުގެ ކުރިން ލައިލާ ހަމައަކަށް އަޅުވާލުމަށްޓަކައި ހޮސްޕިޓަލުގެ ކެންޓީނާ ދިމާލަށް އޭނާ ގޮވައިގެން ޒާހިރު ހިނގައިގަތެވެ.
****
ކޮޓަރިއަށް ވެރިވެފައި އޮތް ހަމަހިމޭންކަމުގެ ތެރެއިން، މަޑުމަޑުން ހޭވަނިވަމުން ދިޔަ އަމީރާ ބަރުވެފައިވާ އެސްފިޔަތައް ތަޅުވައިލިއެވެ. ދެލޯ ހުޅުވައިލެވުމާއެކު، އެންމެ ފުރަތަމަ ވެސް ހޯދައިލީ އިޔާންއެވެ. އޭނާގެ މަގަތުގައި އިޔާން އޮތް ސަރަހައްދު އޮތީ ހުސްކޮންނެވެ. ފާހާނައިން ފެން އިސްކުރު ދޫކޮށްލައިގެން އުޅޭ ފަދަ އަޑެއް ކަންފަތުގައި ހަރުލައިގެން ދިއުމުން، ފާހާނައިގާ އިޔާން އުޅޭކަން ޔަޤީންވިއެވެ.
ހަމަޖެހުމުގެ ނޭވާއެއް ލާން އުޅުނު އަމީރާގެ މުޅި ހަށިގަނޑު ގަނޑުވެގެން ދިޔައީ، ކޮޓަރީގެ އެއްފަރާތުގައި ހުރި ކުޑަދޮރުގައި ލެނގިލައިގެން ހުރި ކަޅު ހިޔަންޏެއް ލޮލުގައި އަޅައިގަތުމުންނެވެ. މޫނުމައްޗަށް ވައްޓާލާފައި އޮތް ތޮފިން މޫނު ނުފެނެއެވެ. ނަމަވެސް ކޮޓަރި ތެރެއަށް އެޅިފައި ހުރި އިރުގެ އަލިކަމުގެ ތެރޭއިން، އެ މީހާގެ ހަށިގަނޑުގެ ބައްޓަމާއި ހުރި ގޮތް ފެނުމުން، އެއީ ކާކުކަން ދެނެގަންނާކަށް އަމީރާއަކަށް ސިކުންތެއްގެ މިންވަރު ވެސް ބޭނުމެއް ނުވިއެވެ. އެއީ ޖިނާންއެވެ. ހަނދާނަށް އައީ އެކްސިޑެންޓުވުމުގެ ކުރީގައި އޭނާގެ ކުރިމައްޗަށް ޖިނާން އައި ގޮތެވެ. އަމީރާ ތުރުތުރު އަޅައިގަތެވެ. އިޔާންއަށް ގޮވާލަން ހުޅުވާލި އަނގަ ލައްޕާލަން މަޖުބޫރުވެގެން ދިޔައީ އޭނާގެ އަތުގައި އޮތް ފިޔޮހި ފެނުމުންނެވެ. ބިރުން ގޮސް ހަޅޭއްލަވައިގަންނަން އުޅުނު ނަމަވެސް، ކަރުބުޑުން އަޑެއް ބޭރެއް ނުވިއެވެ. ބިރުވެރިކަމުގެ އިންތިހާއަށް ގޮސް، ގުޑިލަން ވެސް ނުކެރިފައި އޭނާއަށް އޮވެވުނީއެވެ.
ނުރައްކާތެރި ފިޔަވަޅުތަކެއްގައި އައިސް އަމީރާގެ އެނދު ކައިރިއަށް ހުއްޓުނެވެ. އަތުގެ ތެރޭގައި ފިޔޮހި އަނބުރާލަ އަނބުރާލަ ހުރިގޮތުން، އަމީރަގެ ހަށިގަނޑުގައި ހިނގަމުން ދިޔަ ހުރިހާ ލެއެއް ހިނދިގެން ދިޔަ ކަހަލައެވެ. ޖިނާން ބޮލުގައި އަޅައިގެން ހުރި ކަޅު ތޮފި މައްޗަށް ޖައްސައިލަމުން، އޭނާގެ އެ ވިހަގަދަ، ނުލަފާ ހިނިތުންވުން އަމީރާއަށް ދައްކައިލިއެވެ. އަމީރާ އެ ނިކަމެތި ޙާލުގައި އޮއްވައި، އެއްވެސް ރަޙުމެއް ނެތި ޖިނާން ކުރިއަށް ޖެހިލައި، އޭނާގެ އަތުގައި އޮތް ފިނި ފިޔޮހި ތޫނު މިޔަ އަމީރާގެ ކަރުދޮށުގައި ޖައްސައި ބާރުކޮށްލިއެވެ. ކާރަށް ވާ ތަދަށް ވުރެން ޖިނާން ކުރިމަތިގައި ހުރުމުން ގަންނަމުން ދިޔަ ބިރު މާ ބޮޑެވެ.
“ބާރަށް އަޑުގަދަކޮށްފިއްޔާ މަށަށްވުރެ ނުބައި މީހަކު ނުހުންނާނެ. ހަނދާންކުރާތި!” ޖިނާންގެ ވިހަގަދަ އަޑު އަމީރާގެ ކަންފަތްދޮށުގައި ގުގުމައިގަތެވެ. “އަހަރެން މިތަނަށް އައީ ކަލޭ ހޯދަން. ސްޕެއިންގަ ނުވެފަ އޮތް ކަންތައް ނިންމާލަން. އެކަމަކު މިހާރު މަގޭ މުޅި ޕްލޭން އެނބުރިއްޖެ! ދެން ކަލޭ މަރާލާފަ ނޫނީ ހުއްޓައެއް ނުލާނަން! ކަލެއަށް އެނގޭތަ މާކިން ވެސް މިހާރު މަރާ ހަނގުރާމަކުރަމުން ދަނީ ކީއްވެގެންކަން؟ ހަމަ ކަލެއާ ހެދި! ފުރަތަމަ ކަމަކަށް މަށާ ދެކޮޅަށް ކަލޭ ގެއިން ނެރެ މިނިވަން ކުރީމަ..ދެވަނަ ކަމަކަށް ކަލެއާ ގުޅުންހުރި އެއްބަސްވުންތަކާއި އަހަރެންގެ ބައްޕަގެ ހުރިހާ ވިޔަފާރިއެއް ބުންވަރު ދުއްވާލަން އޭނާ ހެކި ހޯދީމަ! އަދި ކަލެއަށް އެނގޭތަ، ކަލޭގެ ބޭބެގެ ސަބަބުން މަށަށް މިއަދު މިނިވަންކަން ގެއްލިއްޖެ… ހުރިޙާ ކަމެއް ފެށުނީ ވެސް ކަލެއާއި ހެދި، ހުރިހާ ކަމެއް ގޯހުން ގޯހަށް ވެސް ދިޔައީ ކަލެއާއި ހެދި! އެހެންވީމަ މިކަންތައްގަނޑު ނިންމާލާނީ ވެސް ކަލެއާއި ހިސާބުން! ބަދަލު ނުހިފާ ދޫކޮށްލުމަކީ ނެތް ގޮތެއް”
އަމީރާގެ ދެލޯ ބޮޑުވެ، ބިރުވެރިކަމުން މުޅި މީހާ ގަނޑުވެފައި އިންދާ، ފިޔޮހި ދުރުކޮށްލާ ޖީބަށް ކޮއްޕައިލިއެވެ. އަދި އެއްވެސް އިންޒާރަކާ ނުލައި، އޭނާގެ ދެއަތުން އަމީރާގެ ކަރުގައި ހިފެހެއްޓިއެވެ. ނޭވާހާސްވާ ވަރަށް ކަރަށް ބާރަށް ފިތައިލުމުން، ބަލިކަށި ހާލުގައި އޮތް އަމީރާއަށް އެއްވެސް ކަމެއް ނުކުރެވި، ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ޖިނާންގެ ދަގަނޑު ފަދަ ވަރުގަދަ އަތްދަށުން ސަލާމަތްވުމަށް އަމީރާ ގަދަހަދައި ތެޅިގަތް ވަގުތު، އޭނާގެ އަތަށް ގުޅާފައިވާ އައިވީ ކެނިއުލާ އަތުން ލުހިގެން ދިޔައެވެ. އެއާއެކު އެތަނުން ތާޒާ ރަތް ލޭގަނޑު އޮހޮރިގަތެވެ.
ނޭވާ ހާސްވެ، ފުރާނަ ދާވަރުވެފައި ވަނިކޮން ލިބުނު ހަނި ދޭތެރެއަކުން، އަމީރާ ކަރުބުޑުން ނުހަނު ބާރަށް ހަޅޭއްލަވައިގަތެވެ. އެ އަޑު ފާހާނާގެ ތެރެއަށް ފޯރުމާއެކު، އެތެރޭގައި ހުރި އިޔާން ހާސްވެފައި ހުރެ “އެމީ!” އޭ ކިޔައި ގޮވައިލި އަޑު އިވުނެވެ. ފާހާނާގެ ތަޅު އަނބުރައިލި އަޑު އިވުމުން، ޖިނާން ވަގުތުން އަމީރާގެ ކަރުން އަތްދޫކޮށްލިއެވެ.
“ހީނުކުރާތި އިޔާން ކައިރީގަ ހުރީމަ ސަލާމަތް ވެވޭނެއޭ! މި ފެށުނީ އަދި! މަރަށް ތައްޔާރުވޭ!” އަމީރާގެ މޫނަށް ނުރައްކާތެރި ގޮތަކަށް އިނގިލި ދިއްކޮށްލަމުން އިންޒާރު ދިނުމަށްފަހު، ޖިނާން ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ނުކުމެގެން ދިޔައެވެ.
“އެމީ.. އެމީ!” އަމީރާއަށް ވެފައިވާ ގޮތް ފެނި ގާތައް އާދެވުނު ގޮތް ވެސް އިޔާންއަށް ނޭނގުނެވެ. އަމީރާގެ އަތުން ފައިބާފައި ލޭތައް ބެޑްޝީޓުގައި ހޭކިފައިވާ މަންޒަރު ފެނި އިޔާން ދެލޯ ބޮޑުވިއެވެ. އޭރުވެސް އަމީރާ އިނީ ކަރުގައި ދެއަތް ހުރަސް ކޮށްލައިގެން ކަމުން ކަރުގައި ހުރި ނިޝާންތައް ނުފެނެއެވެ.
އިޔާންއަށް އިތުރު ސުވާލެއް ކުރެވުމުގެ ކުރީގައި އަމީރާ ރޯންފެށިއެވެ. ގިސްލެވެމުން ދިޔައިރު އިޔާންގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ. ހަށިގަނޑުގައި މަޑު ތުރުތުރެއް ހަރުލާފައި ހުއްޓެވެ. އޭނާގެ ކަރުގައިވާ ނިޝާންތައް އިޔާންއަށް ފެނުނީ ދެނެވެ. މީހެއްގެ އަތުގެ ނިޝާން އަރާފައިވީ އިރު އެހިސާބުތައް ވަނީ ރަތްވެ ލޭ ހިލިފައެވެ. ބިރާއި ސިހުން އެކުލެވިފައިވާ މޫނުމަތިން ހުދުކަން ނުކެނޑެއެވެ. އެހާލެއްގައި ވަނިކޮން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އިޔާން ބަލައިލިއެވެ.
“އެމީ، މިއޮތް އައީ ލައިލާ ދައްތަ މެން-.. އެމީ.. އޭތް ދަރިފުޅާ ކިހިނެތްވީ؟” ލައިލާ އާއި ޒާހިރު ގޮވައިގެން އެތެރެއަށް ވަތް މަޖުދާއަށް އިޔާންގެ ގައިގާ ބައްދާލައިގެން ރޮމުން ދިޔަ އަމިރާ ފެނި ދުވެފައި ކަހަލަ ގޮތަކަށް އެނދާއި ދިމާލަށް ދެވުނެވެ.
“ބޭބެ ބަލާލަބަލަ އެއްވެސް މީހަކު ނުކުމެގެން ދިޔަތޯ.. މަންމަ ދޭބަލަ ނަރުހަކަށް ގޮވަން” އަމީރާ ހިފަހައްޓައިގެން އިން ގޮތުން އިޔާންއަށް ދުރުކޮށްލާފައި އެތަނަށް ދެންމެ ވަނީ ކާކުތޯ ބަލަން ވެސް އިނީ ދާން ނުކެރިފައެވެ.
“މީހަކު ވަނީތަ؟” އިޔާންގެ ވާހަކަ އިވިފައި ލައިލާއަށް ބިރުން ހުރެ ބުނެވުނެވެ. އިޔާން އެއްޗެއް ނުބުނެ ބޯޖަހައިލުމުން، ލައިލާގެ ދެލޯ ބޮޑުވިއެވެ. ދެންމެ ބޭރުން ފެނުނު ޖިނާންގެ ސޫރަ އޭނާގެ ހަނދާނަށް ވަގުތުން އައެވެ. ލަސްނުކޮށް ޒާހިރު އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ނުކުތެވެ.
“ކިހިނެތް ތޯ ވީ؟” ދެ ނަރުހުން މަޖުދާގެ ފަހަތުން އައިސް ވަނެވެ. އިޔާން ދައްކާލި އަމީރާގެ އަތެވެ. އެމީހުން އަވަސް ވެގަތީ އަމީރާގެ އަތުގައި ބޭސް އެޅުމަށްފަހު އާ ކެނިއުލާރ އެއް ގުޅުމުގެ މަސައްކަތެވެ.
“އިޓްސް އޯކޭ.. އިޓްސް އޯކޭ.. ” އަމީރާގެ ބޮލުގައި ފިރުމުން އިޔާން ނުހަނު ލޯބިން ވާހަކަ ދެއްކިއެވެ. އިރުކޮޅަކު ވާހަކަ ދެއްކި ފަހުން އަމީރާގެ ރުއިން ހުއްޓުނެވެ. ނަމަވެސް ލިބިފައިވާ ޝޮކުން އަރައިގަނެވޭ ގޮތެއް ނުވިއެވެ. ވާހަކަ ދައްކަން އަނގަހުޅުވާލަން ވެސް ވީ އުނދަގޫ ކަމަކަށެވެ. އަމީރާއާއި ވާހަކަ ދައްކަން އިތުރަށް މަސައްކަތެއް ވެސް އިޔާން ނުކުރިއެވެ. އޭނާގެ ހުރިހާ ސަމަލުކަމެއް ގުޅިފައި ހުރީ ލަސްނުކޮށް ފަރުވާ ކުރުމަށެވެ. ޑޮކްޓަރުން އައިސް ބެލުމަށްފަހު އަމީރާގެ ކަރަށް ލިބިފައިވާ އަނިޔާ ތަކުން އެދުނީ އެކްސްރޭ އެއް ހެދުމަށެވެ.
އަމީރާއާއި އެކު މަޖުދާ އެކްސްރޭ ކޮޓަރިއަށް ވަނުމުން އިޔާން އާއި ލައިލާ މަޑުކޮށްލައިގެން ތިބީ ބޭރުގައެވެ. އެހެން ތިއްބާ ޒާހިރްވެސް އައިސްފިއެވެ.
“އެއްވެސް މީހަކު ނުފެނުނު.. ބޭބެ ނުކުތްއިރު ރޫމް ހުންނަ ފަންގިފިލާވެސް އޮތީ ހިމޭންކޮން.. ރިސެޕްޝަނާއި ގާތްވެފަ ސުވާލު ކޮށްލުމުން އެތާގަ ތިބި ކުދިން ބުނި މާސްކެއް އަޅައިގެން ހުރި މީހަކު ހިނގައްޔޭ.. މިހާރު މެނޭޖުމަންޓަށް ބޭބެ އަންގާލާފަ މިއައީ …އެމީހުން ހޮސޕިޓަލުގެ ސެކިއުރިޓީއާއި ފުލުހުންނަށް އަންގަން އެބައުޅޭ.. ކިހިނެތްތަ ވީ އަސްލު؟” ލައިލާގެ މޫނަށް ބަލަން ހުރެފައި ޒާހިރް ސުވާލު ކުރީ އިޔާންއާއެވެ. އިޔާންއަށް ދޫކޮށްލެވުނީ ހާސްކަމުގެ ނޭވާއެކެވެ.
“ފާހަނައިގަ އުޅެނިކޮން އިވުން މީހަކު އެތެރެއަށް ވަތް އަޑު.. ހީކުރީ އައިވީ ޗެކް ކޮށްލަން ނަރުހެއް ވަނީ ކަމަށް.. އެހެންވެ މަޑުކޮށްލީ.. ދެން އެމީ ހަޅޭއްލަވައިގަތް އަޑަށް ނުކުންނަނިކޮން ކޮޓަރި ބޭރުން ފިޔަވަޅު އަޑު އިވުން.. އެކަމަކު ނުކުމެވޭ ގޮތެއް ނުވި އެމީ އިންގޮތުން.. ޕެނިކް ވެފަ އިނީ” އިޔާން ކިޔައިދިނެވެ.
“ލައިލާ… ބުނެބަލަ ދެންމެ ލައިލާއަށް ދިމާވި ކަންތައް! ދެން ސިއްރުކުރާނެ ކަމެއް ނެތެއްނު!” ފުން ނޭވާއެއް ދޫކޮށްލަމުން ޒާހިރް އެދުނެވެ. ލައިލާގެ މޫނަށް ބަލައިލަމުން އިޔާން ނިތް އަރުވާލިއެވެ.
“އިރުކޮޅެއް ކުރިން މިތަނަށް އަހަރެމެން އައިސްފިން.. އެތރެއަށް ވަންނަން އަންނަނިކޮން މީހަކު ހުރިހެން ހީވެގެން ބަލައިލި އިރު ދޮރުކައިރީގަ ހުރި ގަހުގެ ބިއްދޮށުން ފެނުނީ ޖިނާން.. އެނގޭދޯ އެއީ ކާކުކަން؟” ލައިލާ އިސްޖަހައިލައިގެން ހުރެ ބުނެލިއެވެ. ވާހަކަ ދެއްކި އިރުވެސް ދެލޮލުގައި ކަރުނައިގެ އަސަރު ވިއެވެ. އެ ޖަވާބު އަޑުއަހާ އިޔާންގެ މޫނުމަތީގައިވި ހާސްކަން ބަދަލުވެގެން ދިޔައީ ރުޅިވެރިކަމަށެވެ. ޖިނާންގެ ނަމާއި އެކުވެސް ހީވީ ހަށިގަނޑުގައި އެ ރުޅިވެރިކަމުން ހުޅުފަޅައިގެން ދިޔަހެންނެވެ.
“ޖިނާން! މަށައް ހީވި! އެކަމަކު ލޮލުން ނުފެންނާތި ނުބުނަން މިހުރީ!” އިޔާންއަށް އަތް މުށްކަރުވާލެވުނު އިރު ދަތްތައް ޖައްސާ ބާރުކޮށްލެވުނީ އައިސް ހުރި ރުޅިގަނޑު ގަދަވާން ފެށުމުންނެވެ.
“ދެމީހުން އެއްކޮން އައިސް އައިސް ލައިލާ ނާންނަހެން ހީވެގެން ފަހަތް ބަލައިލިއިރު ހުއްޓިފަ ހުރީ..މުޅި މީހަ ހުދު ވެފަ.. ބޭބެ ވެސް އޭނަ ގޮވައިގެން ކެންޓީނުގަ އިނދެފަ އޯކޭ ވީމަ މިއައީ.. ޖިނާން އޭ ބުނީމަ އަހަރެން ވެސް ސިހިފަ މިހުންނަނީ.. އެހެންވީމަ ލައިލާއަށް ފެނިލީ އޭނަ، އެމީއަށް ބިރު ދައްކަން އައިސް ދޯ! ކެންޓީނަށް ނުގޮސް އައި ގޮތައް މިކޮޅާށް އާދެވުނު ނަމަ ހީވަނީ އޭނަ އަތުވާނެ ހެން..” ޒާހިރްގެ މޫނުން ވެސް ރުޅިގަދަވެފައިވީ ވަރު ހާމަވެއެވެ.
އިޔާންއަށް އިންތިޒާރު ކުރެވެންފެށީ އަމީރާ ނެރޭނެ އިރަކަށެވެ. އިތުރަށް ޖިނާން ހެދި ގޮތެއް ވެސް ބުނި އެއްޗެއް ވެސް އެނގޭނީ އޭރުންތާއެވެ. އިންތިޒާރުގައި ވަގުތުތައް ހޭދަވެގެން ގޮސް ގަޑިއެއްގެ އިރު ފާއިތުވެ ހިނގައްޖެއެވެ. ދުއްވާ ގޮނޑިއެއްގައި އަމީރާ ނެރުނު މަންޒަރު ފެނުމުން އިޔާން އަވަސް ފިޔަވަޅުތަކެއްގައި އެ ދިމާއަށް މިސްރާބު ޖެހިއެވެ. އެކްސްރޭ ރޫމުން ނެރެގެން ނަރުސް ކުއްޖަކު އަމީރާ އިން ފުރޮޅުލީ ގޮނޑި ދަމަމުން އަންނަނިކޮށް، އިޔާން ކުރިއަށް ޖެހިލައި އެކަމާ ހަވާލުވިއެވެ. އަމީރާ ކުރިން ވެސް އޮތް ކޮޓަރިއަށް ގެނެސް، ނުހަނު ލޯތްބާއި ފަރުވާތެރިކަމާއެކު އޭނާ އެނދުމަތީގައި ބައިންދައިލިއެވެ. އޭރު އަމީރާގެ ދޮން ކަނދުރާމަތީގައި ޖިނާންގެ ވަރުގަދަ އިނގިލިތަކުގެ ނިޝާންތައް ގަދަ ދަނބު އަދި ރަތް ކުލައިގައި ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.
އިޔާން ކަންބޮޑުވެފައިވާ ނަޒަރަކުން ޑޮކްޓަރަށް ބަލައިލީ، ދެންމެ ނެގި އެކްސްރޭ ރިޕޯޓާ ގުޅޭގޮތުން އެއްޗެއް ބުނާނެ އިރަކަށް އިންތިޒާރު ކުރާ ފަދައަކުންނެވެ. އެކްސްރޭ ފިލްމު ބަލަން ހުރި ޑޮކްޓަރު މަޑުމަޑުން ހިނިތުންވެލިއެވެ.
“އެކްސްރޭއިން ދައްކާ ގޮތުގައި މާ ބޮޑު އެތެރޭގެ ގެއްލުމެއް ލިބިފައެއް ނެތް. ކަރާއި ކަނދުރާގެ އެއްވެސް ކަށިކޮޅަކަށް އަދި ނާރަކަށް ވެސް ގެއްލުމެއް ނުވޭ،” ޑޮކްޓަރު އޮޅުންފިލުވައިދިނެވެ. “ވަރަށް ބާރަށް ކަރަށް ފިތާލާފައި ހުރުމުގެ ސަބަބުން މަސްތަކަށް ވާންވެ، ދުޅަވެފައި އެހުރީ. އެހެންވެ ވާހަކަ ދައްކާއިރު އަދި ކާތަކެތި ދިރުވާލާއިރު ކޮންމެވެސް ވަރަކަށް ތަދުވާނެ. އެކަމަށް އަޅުގަނޑު ރިހުން ކެނޑޭނެ ބޭހާއި ދުޅަ ތިރިކުރާނެ މެޑިކޭޝަން ލިޔެލަދޭނަން”.
ޑޮކްޓަރުގެ ޖަވާބުން އިޔާން ހިތައް ހަމަޖެހުން ލިބުނެވެ.
“އެކަމަކު ޕޭޝާންޓް އެބަ އެދޭ ގެއަށް ދޫކޮށްލުމަށް.. އަޅުގަނޑަށް އިޙްސާސް ވޭ މިއަދު މި ހިނގާ ދިޔަ ހާދިސާގެ ސަބަބުން ހިތް ބިރުގަނެފަ ކަން ހުންނާނީ.. އެކަމަކު އަޅުގަނޑު އެއްވެސް ވަރަކަށް ރިކޮމެންޑެއް ނުކުރާނަން ޑިސްޗާޖްކުރާކަށް. ރޭގަ ދެއްތޯ ކޯމާއިން އާދެވުނީވެސް.. އަދި ސައުވީސް ގަޑީ އިރުވެސް ނުވޭ.. މިހާރު ފުލުހުންނަށް ވެސް ރިޕޯޓުކޮށްލަދީފަވާނީ…ދެން ތިކޮޅުން ސެކިއުރިޓީ ހައިކޮށްދޭނެ ރިކްއެސްޓް ކުރިހާ އަވަހަކަށް، އެކަން ކޮށްދޭނެ.. އަޅުގަނޑުމެން ބޭނުން އިތުރަށް މިތާގަ ބާއްވައިގެން ހާލަތު މޮނީޓާރ ކުރަން..” ކަންބޮޑުވެފައި ހުރެ ޑޮކްޓަރު ބުންޏެވެ. އެވާހަކަތައް އަހަން ހުރެފައި އިޔާންގެ އަތުގައި އަމީރާ ހިފާ ބާރުކޮށްލިއެވެ. އެކަމާއި ބުނާނެ އެއްޗެއް އެވަގުތު އިޔާންއަކަށް ނޭނގުނެވެ. ހަމަގައިމުވެސް އޭނާ ބޭނުންވަނީ އަމީރާއަށް ފަރުވާ ކުރުމެވެ. އެކަމަކު އެއަތައް ބާރުކޮށްލައިގެން ހުރިގޮތުން އަމީރާ މަޑުކުރަން އެއްވެސް ވަރަކަށް ބޭނުންނުވާ ކަން ހެކިދެއެވެ.
“އެމީ ކިހިނެތް ބޭނުން ވަނީ؟” އެންމެ ފަހުން އިޔާން ބުނެލިއެވެ. އަމީރާ މަޑުމަޑުން ގެއަށް ދާށް ބޭނުންވާ ވާހަކަ ބުނެލިއެވެ.
“މަންމަވެސް ވަރަށް ވިސްނައިދީފިން އެމީއަށް މިތާގަ މަޑުކުރަން އަދި.. އެކަމަކު އެމީ އެހުރީ ހަމަ ވަރަށް ބިރުން.. މަންމައަށް ފެންނަނީ އިތުރަށް ހާސް ނުކޮށް ޑިސްޗާރޖް ކަންތައް ހަމަޖައްސަން.. ގެއަށް ދޫކޮށްލީމަ އަނެއްކޮޅުން މާ ސޭފްވާނެ، މިވީގޮތުން އެމީ މިތާގަ ބާއްވާފަ މަންމައަކަށް ދެން އެންމެ ހިނދުކޮޅަކަށް ވެސް ލޮލުފިޔައެއް ނުޖެހޭނެ” މަޖުދާ ވެސް ބުންޏެވެ. އިޔާން ފުން ނޭޥާއަކަށްފަހު ޑޮކްޓަރަށް ނަޒަރެއް ދިނެވެ.
” މައްސަލައެއް ނެތް.. އެކަމަކު ތި ފަރާތައް ދިމާވެދާނެ އެއްވެސް ގެއްލުމަކަށް މިކޮޅުން ޒިންމާ ނުވާނެގޮތައް ސައިން ކޮށްފަ ދެވޭނީ.. އަޅުގަނޑުމެން ބޭސް ދޭނަން .. ކޮންމެ ދުވަހަކު ދައްކާލަން އަންނަން ޖެހޭނެ” އެންމެފަހުން ހިތާއި ދެކޮޅަށް ޑޮކްޓަރު ވެސް ބުނެލިއެވެ. އެއަށް ފަހު އޭނާ ދިޔައެވެ. ގެއަށް ފޮނުވާލުމުގެ މަރުހަލާ ފުރިހަމަ ކުރުމަށް ކައުންޓަރަށް އައުމަށް ބުނެ ނަރުހުން ވެސް ނުކުމެގެން ދިޔައެވެ. އެ މަސައްކަތާއި ހަވާލުވީ ޒާހިރެވެ. ލައިލާއާއި މަޖުދާ ވެގެން އަމީރާ ހެދުމެއް ލެއްވުމަށް އުޅެން ފެށުމުން އިޔާން ނުކުތީ ބޭރަށެވެ.
***
ގިނައިރު ތަކެއް ވަންދެން އެނދުގައި އޮތުމުން ސަދަފްގެ ދެލޮލަށް ހުރީ ކޮންމެވެސް ވަރަކަށް ނިދީގެ އަސަރުތައް ވެރިވެފައެވެ. މަގްރިބް ނަމާދުގެ ވަގުތާއި ގާތް ވެފައި ހުރުމުން ނިދާކަށް ބޭނުމެއް ނުވިއެވެ. އެންމެފަހުން ގަސްތުކުރީ އެނދުން ތެދުވާށެވެ. ކޮޓަރިން ނުކުމެލި އިރު ގޭތެރެ އޮތީ ނުހަނު ހަމަހިމޭންކޮންނެވެ. ސިޑީގެ ހަރުފަތްތައް ހުރަސްކޮށްލާފައި ލިވިންގްރޫމަށް ފޭބިއިރު ސޯފާގައި ފޯނެއްގައި ވިޝާމް އިނެވެ.
އޭނާ އިން ގޮތުން މުހިއްމު ކޯލެއްކަން ހެކިދެއެވެ. ވާހަކަ ދައްކަމުން ދިޔައީ ވެސް ނުހަނު މަޑުންނެވެ. އޭނާއަށް ބަލާލާފައި އަތުގެ އިޝާރާތުން ކޮފީއެއް ބޭނުންތޯ ސަދަފް އަހާލިއެވެ. ވިޝާމް ބޯޖަހައިލުމުން ސަދަފް ބަދިގެ އަށް ވަނެވެ. ހުރިހާ ބޮއްކެއް ނިއްވާފައި ހުރުމުން ޒާތަކަށް އަނގަ ހަދާލެވުނެވެ. އެއީ އެއްގޮތަކަށް ވެސް ބޮކި ނިއްވާފައި ހުންނަ ތަނެއް ނޫނެވެ. ސަދަފް ސްވިޗް ބޯޑަށް އަތް ފޯރުވާލާފައި ޖައްސަން އުޅެނިކޮން ކުއްލިއަކަށް މީހަކު ވާހަކަ ދެއްކި އަޑަށް ދިޔައީ ސިހިގެންނެވެ.
“ލައިޓްތައް އަނދާފަ..” އަނދިރީގެ ތެރެއިން އިވުނީ މާއިންގެ އަޑެވެ.
މޭގައި އަތް އަޅައިގެން ހުރެ ސދަފް ފޯނުން ފްލޭޝްލައިޓް ދިއްލާލިއެވެ. މާއިން އިނީ ކުޑަ ދޮރު ކައިރީގައެވެ. އޭނާގެ އަތުގައި ލެޕްޓޮޕެއް އިން އިރު އޭގެ ވެސް އަލި މަޑުކޮށްފައި ވާގޮތުން ސަދަފް އަށް ކުރިން ފާހަގަ ވާގޮތް ނުވީއެވެ. މާއިން ކުރެން ލައިޓްތަކަށް ވެފައި ހުރީ ކީއްތޯ އަހަން އުޅެފައި ވެސް، އޭނާ ޖަވާބު ދޭނެ ކަމެއް ޔަގީން ނުވާތީ އެ ހިޔާލް ދޫކޮށްލިއެވެ.
“ހާދަ ލަހުން ތިއައީ؟ އައިސްފާނެ ކަމަށް މި އިނީ” ހައިރާން ކޮށްލާފައި މިފަހަރު ވެސް މާއިން ވާހަކަ ދެއްކިއެވެ.
ސަދަފްގެ ނިތައް އަރައިގެން ދިޔައީ ރޫތަކެވެ. މާއިން އެ ވާހަކަ ދައްކަނީ އޭނާއާއި ބާވެއޭ ހިތާ ހިތާ ސުވާލު ކޮށްލެވުނެވެ. ފަހަތް ބަލައިލީ ފަހަތުގައި ވިޝާމް ހުރިކަމަށް ހީކޮށްފައެވެ. އޭނާއާއި ވާހަކަ ނުދެއްކި ނަމަވެސް ފަހަރުގައި ވިޝާމްއާއި ވާހަކަ ދައްކފާނެއެވެ.
“ސަދަފް އާއި މި ވާހަކަ ދައްކަނީ.. ތި ފޯނަށް މެސެޖެއް ކޮށްގެން މި އިނީ، ހީކުރީ އެހެންވެ ކަމަށް” މާއިން އަނެއްކާ ވެސް ބުނެލިއެވެ. އޭނަ އެންމެ ފަހަރަކުވެސް ސަދަފްއަށް ބަލައިނުލައެވެ. ނަމަވެސް ސަދަފްގެ މިޒާޖަށް އައިސް ހުރި ހައިރާންކަން ނަގައިގަނެވުނެވެ.
“މަށައްތަ؟” އެ ހައިރާންކަން މަތީގައި ހުރެ ސަދަފްއަށް އަމިއްލަ ފޯނަށް ނަޒަރެއް ދެވުނެވެ. މާއިން ބުނިހެން މެސެޖެއް ކޮށްފައި އިނެވެ. ނަމަވެސް ފޯނު ބަލާނުލައިތާ ގިނައިރު ވުމުން މެސެޖެއް އައިސް އިންކަމެއް ވެސް ނޭނގުނެވެ. އެކަން ވެސް ވެގެން ދިޔައީ އޭނާގެ ހައިރާންކަމަށް ލިބުނު އިތުރު ހައިރާންކަމަކަށެވެ.
“ފޯނު ދުރުގައި އޮތީމަ ނޭނގުނު މެސެޖެއް އައިސް އިން ކަމެއް.. ކިހިނެތްވީ؟ ކަމެއް ގޯސްވީތަ؟” ސަދަފް އަހާލިއެވެ. ލެޕްޓޮޕް އިން ނަޒަރު ވަކިކޮށްލަމުން މާއިން ބަލައިލިއެވެ. އޭނާ އިން ތަނުން ތެދުވީ ކައުންޓަރު މަތީގައި ހުރި ކޮފީ ޖޯޑު އެއްކޮން ދަމާލާފައެވެ. ޖޯޑު ބަހައްޓަމުން އެތާގައި އޭނާ ކުރިން ސުރެން ބެހެއްޓި ގަނޑުތަކެއް ނެގިއެވެ.
”މިތާގަ މި ކިޔާކަށް ނޭނގޭނެ އެންނު.. ބޭރަށް އާދޭ” ލެޕްޓޮޕާއި އެކު ގަނޑުތައް ހިފައިގެން މާއިން ނުކުތެވެ.
އޭނާގެ ފަހަތުން ސަދަފް ވެސް ބަހެއް ނުބުނެ ނުކުތެވެ. ދެމީހުން ނުކުތީ ބަގީޗައަށެވެ. އެހާ އަލިގަދަ ބޮކިތައް ދިއްލާފައި ހުރުމުން ނުހަނު އައްޔެވެ. މާއިން ދިއްކޮށްލީ އޭނާގެ އަތުގައި ހުރި ގަނޑުތަކެވެ. ސަދަފްއޭގައި ހިފާ ބަލައިލިއެވެ. ބައިވަރު ރިޕޯޓުތަކެވެ. ހުރިޙާ އެއްޗެއްގައި ‘ނެގެޓިވް’ އިން ނަމަވެސް ސަދަފްއަކަށް އެއަކުން އެއްޗެއް ފަހްމްވާގޮތެއް ނުވިއެވެ.
“މިއީ،؟ ނެގެޓިވް؟ އަދި ގެޓް އެއް ނުވި” ސަދަފް އެންމެ ފަހުން ބުނެލިއެވެ. މާއިން ލުއި ހިނިތުންވުމަކައި އެކު އަތުން ދައްކާލީ ރިޕޯޓުގެ އެންމެ މަތީގައި ލިއުންކޮޅެވެ. ސަދަފްއަށް އެއީ ކޯއްޗެއްކަން ދެނެގަނެވުނީ އެހިނދުއެވެ. ޒާތަކައް ހުއްޓުން އަރައިގެން ދިޔައެވެ.
”ތި އިނީނު މަތީގަ ބޮޑު އަކުރުން.. މަސްތުވާ ތަކެތި ބެނުންކޮށްފަތޯ ބަލަން ޕޮލިސް ސްޓޭޝަނުން ހަދާ ޓެސްޓެއް ތިއީ.. ދެ ހަފްތާ ވެއްޖެ ކޮންމެ ދުވަހަކު ގޮސް ހަދާތާ.. ވަރަށް އުނދަގޫ ވެސް ވޭ ކުއްލިއަކަށް ހުއްޓާލަން .. އެކަމުވެސް ދެ ހަފްތާ ވެއްޖެ ބޭނުން ނުކުރާތާ އެއްވެސް ވަރަކަށް.. ދެން ދުވަހަކު ވެސް އަލުން ބޯން ބޭނުން ނުވާތީ ހުއްޓާލަން ބޭނުން ވެގެން ކޮށްފަ ހުރި މަސައްކަތެއް ތިއީ.. އެންމެ ފުރަތަމަ ތިދައްކަން ބޭނުންވީ ސަދަފްއަށް .. އުއްމީދުކުރަން މިބުނި އެއްޗެއް ފަހުމް ވެއްޖެކަމަށް” އެ ހިނިތުން ވުމުގައި ހުރެ މާއިން ވާހަކަ ދެއްކިއެވެ.
ސަދަފްއަށް ބުނާނެ ބަހެއް ދުލަކަށް ނައެވެ. ބަޔާން ކުރަން ދަތި އެތައް ޖަޒުބާތެއް އެއްފަހަރާ އޭނާގެ މުޅި ނަފްސު ވަށާލިއެވެ. ދެލޯ ފެންކަޅިވާ ގޮތް ވުމުން، ހިންދިރުވާލެވުނެވެ. ހިތަށް ލިބުނު ފުން ތަސައްއްލީއާއި އުފާވެރިކަން މޫނުމަތިން ފާޅުވާން ހުއްޓެވެ. ސަދަފްއަށް މާއިންގެ މޫނަށް ބަލައިލެވުނީ އަދިވެސް ގަބޫލުކުރަން ދަތިވެފައި ހުރެއެވެ. ހިތުގައި އުފެދިފައިވާ އެތައް ސުވާލެއްގެ ޖަވާބު އެ މޫނުމަތިން ހޯދަން އޭނާ ބޭނުންވިއެވެ. ކުރިމަތީގައި އެހުރީ ހަމަ ކުރީގެ ނުކިޔަމަންތެރި، ނޭނގޭ ސަބަބަކާއިހުރެ ބަދަލުހިފުމުގެ ރޫހުގައި އުޅުނު މާއިންބާއޭ ހިތަށް އެތައް ފަހަރަކު އެރިއެވެ.
އެހެން ހީނުވާންވީ ސަބަބެއް ވެސް ނެތެވެ. ކުރިން ދުވާލުގެ އެއްވެސް ވަގުތެއްގައި ގޭތެރެއިން ނުފެންނަ، މަގުމަތީގެ ނާމާންކަމުގެ ތެރޭގައި އުޅުނު ޒުވާނާ މިހާރު ގިނަ ވަގުތު ހޭދަކުރަނީ ގޭގައެވެ. ހެދުން އެޅުމުގެ ވައްޓަފާޅިއަށް ވެސް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. އަތާއި ކަރު ފުރެންދެން އަޅާފައި ހުންނަ ބަރު ފަށްތަކެއް މިހާރަކު ނުފެނެއެވެ. އަބަދުހެން ގައިން ދުވާ ސިނގިރޭޓާއި ރާހުތުގެ ވަހުގެ ބަދަލުގައި، މިހާރު ދުވަނީ ކޮންމެވެސް އަގުބޮޑު ސެންޓެއްގެ ހިތްގައިމު މީރުވަހެވެ. މާއިން ދެއްކި ވާހަކަތައް ފުރަތަމަ ގަބޫލުކުރަން އުނދަގޫވި ނަމަވެސް، މިހާރަކަށް އައިސް އޭނާގެ މިޒާޖަށާއި އުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކަކީ އެ ވާހަކަތަކުގެ ތެދުކަން ސާބިތުކޮށްދޭ ދިރިހުރި ހެކިތަކެކެވެ.
ލިބިފައިވި ހައިރާންކަމުން އަރައިނުގަނެވި ސަދަފްއަށް އެއްޗެއް ނުބުނެވި ހުއްޓާ، މާއިން އެތަނުން ހިނގައިގަތެވެ.
“ތެންކިއު ފޯރ އެވްރީތިންގް” ދަމުން ސަދަފްގެ ކޮނޑުގައި މާއިން ޖަހާލިއެވެ.
“ފައިނަލީ، އަމް ހެޕީ ފޯރ ޔޫ” އިރުގަނޑެއް ވަންދެން އެއްޗެއް ނުބުނެވި ހުރެފައި ސަދަފްއަށް ބުނެވުނެވެ. އޭނަގެ އަޑުގައިވި އުފާވެރިކަން ސިއްރެއް ނުވިއެވެ. މާއިން ފަސް އެނބުރި ހިނިތުންވުން ފުޅާކޮށްލަމުން ގޭތެރެއަށް ވަދެގެން ދިޔައެވެ. އަތުގައި ހުރި ގަނޑުތަކަށް ބަލައިލުމަށްފަހު ސަދަފްއަށް ވެސް ހީލެވުނެވެ.
އެތެރެއަށް ވަތް އިރު ހައިކަލްއާއި ވިޝާމް ސޯފާގައި ތިއްބެވެ. ދެމީހުންގެ މޫނުމަތީގައި ހުރީ ނުތަނަވަސް ކުލައެކެވެ. ސަދަފް ފެނުމުން ވިޝާމް ލޮލުގެ އިޝާރާތުން އައުމަށް ބުނެލިއެވެ.
“ކޮންތާކުން ތިއައީ؟” ސަދަފްކުރެން ހައިކަލް އަހާލިއެވެ. ސަދަފް ދައްކާލީ އޭނާގެ އަތުގައި ހުރި ގަނޑުތަކެވެ. ހައިކަލްގެ ކުރިމައްޗަށް ހުއްޓި އަތައް އޭނަ އެ ސާމާނުތައް ދިނެވެ.
“ތީ ކޯއްޗެއް؟ ހޮސްޕިޓަލުން ހަދާފަ އޮތް ޓެސްތެއްތަ؟” ހައިކަލް ފަހަރަކު ގަނޑެއް ބަލަމުން ދިޔައެވެ.
” ނޫނޭ.. ތީ މާއިންގެ..”
“އޭތް؟ އޭނައަށް ކަމެއް ވީތަ؟ ބަލިވީތަ؟” ހައިކަލް ކަންބޮޑުވިއެވެ. ސަދަފް ދެފަރާތައް ބޯހޫރުވާލަމުން ނޫނެކެބުނެ ހީލިއެވެ. ވިޝާމް ވެސް އެ ގަނޑުތައް އަތުލައި ކިޔަން ފެށިއެވެ. އޭގައި ވާ އެއްޗެއް ދޭހަވުމާއި އެކު އޭނާގެ އަނގަހުޅުވުނެވެ.
“މާއިން… ޑްރަގް ބޭނުންކުރުން ހުއްޓާލަން އަމިއްލައަށް މި ނިންމީ؟” އެ ހައިރާންކަމުގެ ތެރޭގައި ހުރެފައި ވިޝާމްއަށް އަހައިލެވުނެވެ.
ސަދަފް ވަރަށް ހަމަޖެހިލައިގެން އިނދެ ބޯޖަހައިލިއެވެ. އަދި ދެންމެ ބޭރުން މާއިން އޭނާއާ ބައްދަލުކޮށްފައި ދެއްކެވުނު ކުރު ވާހަކަކޮޅު ކިޔައިދިނެވެ. މާއިންގެ އެ ހިތްވަރާއި ނިންމުމުގެ ވާހަކަތައް އަޑުއިވުމާއެކު، ހައިކަލްއާއި ވިޝާމްގެ މޫނުމަތީގައި ވެރިވެފައި އޮތް ހައިރާންކަން އެއްކޮށް ފިލައިގެން ދިޔައެވެ. ހިތަށް ލިބުނު ބަޔާންކުރަން ދަތި ހިތްހަމަޖެހުމާއި އުފާވެރިކަމެއްގެ ބޮޑުކަމުން ހައިކަލްގެ ދެލޯ ކަރުނުން ފުރިގެން އައެވެ. އެތައް އަހަރެއް ވަންދެން އެ ހިތުގައި އަޅަމުންދިޔަ އެންމެ ބޮޑު އެއް ވޭނާއި ހިތާމައަށް މިއަދު ނިމުމެއް އައިސްފިއެވެ. އޭނާ ބޭނުންވީ ވީ އެންމެ އަވަހަކަށް ގޮސް އާމިލާއާއި އެ އުފާވެރި ޚަބަރު ހިއްސާކުރާށެވެ. ހައިކަލް ނުހަނު ފަރުވާތެރިކަމާއި އެކު އެ ގަނޑުތައ ފަށްޖަހާލުމަށްފަހު، ރައްކާތެރިކަމާއެކު ގަމީހުގެ ޖީބަށް ލިއެވެ.
“އަނެއްކާ މަރު ގާތްވީބާ؟” ސޯފާގައި އަލުން އިށިންނަމުން ވިޝާމް ލާނެތް ރާގަކަށް ބުނެލިއެވެ. އެއަޑަށް ހައިކަލް ހޭންފެށިއެވެ. އެ ސަމާސާ ސަދަފްއަކަށް ކަމަކު ނުދިޔައެވެ. ދެފަރާތައް ބޯހޫރުވާލެވުނެވެ.
“ސާބަސް.. ދެން ވެސް އުފާކޮށްބަލަ މިކަން އޭނާ ކުރަން ހިތުލީމަ.. މީ އަޅެ ރަނގަޅުގޮތެއް ވެސް އޮންނަ އިންސާނެއް ނޫންތަ!” ވިޝާމްގެ ފަޔަށް ފައިގެ ލުއި ހަމަލާއަށް ދެމުން އޭނާގެ މަގަތުގައިވާ ސޯފާގެ ތެރެއަށް ސަދަފް ވެއްޓިގަތެވެ. ހައިކަލް ވެސް އެއީ ތެދެކޭ ބުނެ ސަދަފްއާއި އެއްބައިވެލިއެވެ.
“އަހަރެން ވެސް ވަރަށް އުފާވެއްޖެއޭ.. ވަރަށް ހިތްހަމަ ވެސް ޖެހިއްޖެ.. އެކަމަކު ހިތައް އަރާ އެބަ، ދިމާވާ ކަމެއްގެ ތެރެއިން ވެސް އަނެއްކާ އެކަންތައް ފަށާފާނެބާވެއޭ” ލިބުނު ހިތްހަމަޖެހުމުގެ ތެރެއިން ވެސް ވިޝާމް ހިތުގައި އޮތް ބިރުވެރިކަން ހާމަކޮށްލިއެވެ. މާއިންގެ ނިންމުމަށް އޭނާ އުފާނުވަނީ އެވެ ނޫނެވެ. އަނެއްކާ ވެސް އެ އަނދިރި ދުނިޔެ އަށް ގޮސްފާނެ ކަމުގެ ބިރު ހީވަނީއެވެ. އަދިވެސް އޭނާ އާއިލާ އާއި ދުރުވެ އެކަން ކުރަން ފަށައިގަތީ ކީއްވެކަމެއް އޭނާ އަދި އެހެން އިތުރު މީހަކަށް ވެސް ނޭނގެއެވެ.
“ރަނގަޅުވާނެ އިރާދުކުރެއްވިއްޔާ.. މާއިންގެ އުޅުން އެހުރިގޮތައް ބަލާލަބަލަ ނިކަން.. އެއީ ކުރިޔަކުން އޭނާ އުޅުނު ގޮތެއް ނޫން.. އަބަދު ގޭގަ.. އެވެސް އަހަރެމެންނަށް ފެންނަ ފަށުގަ.. މިސްކިތައް ބަރާބަރަށް ދޭ… އޭނާ ކުރިން ނުކުރޭ މިކަންތައް ހުއްޓަން އެއްވެސް މަސައްކަތެއް.. މިފަހަރު މީހަކު ކިޔައިގެންނެއް ނޫން، އަމިއްލައަށް އެދިޔައީ ބޭނުން ނުކޮށް ޓެސްޓް ވެސް ހަދަން.. ބޮޑު ވޭނެއް ގަދަޔަށް ބޭނުންކޮށްފަ އެކަން އެއްކޮން ހަމަ ހުރެފަ ކުއްލިއަކަށް ހުއްޓާލަން ވެސް.. އެކަމަކު ބަލާ އޭނަ” ހައިކަލް ވާހަކަ ދެއްކިއެވެ. ހުދު ހައިކަލްގެ ހިތުގައި ވެސް އެފަދަ ޝައްކެއް އުފެދުނު ނަމަވެސް ވިސްނަން ބޭނުންވީ އެއަށްވުރެން ރަނގަޅަށެވެ. އިރުކޮޅަކު ވާހަކަ ދައްކަން އިނދެފައި ހައިކަލް އިންތަނުން ތެދުވެލީ ކޮޓަރިއަށް ދިއުމަށެވެ.
“އޭ މަޑުކުރޭ ބައްޕާ! ހަމަ ޝެޑީ އައިސް ވާހަކައެއް ފެށީމަ ތި ދިޔައީ އަހަރެން ދައްކަން އުޅުނު ވާހަކަ އެއްކޮށް އޮއްބާލާފަ” ހައިކަލް ސޯފާއިން ތެދުވިތަން ފެނިފައި ވިޝާމް ވަގުތުން ގޮވާލިއެވެ. ވިޝާމް އެ ދައްކަނީ ކޮން ވާހަކައެއްކަން ނޭނގިގެން، ސަދަފް ސުވާލުގެ ނަޒަރަކުން ވިޝާމްގެ މޫނަށް ބަލައިލަމުން ބުމަ އަރުވައިލިއެވެ.
“އެދުވަހު ހޮސްޕިޓަލުގައި އެމީ ކައިރިއަށް މަށާއެކު ވަދެފައި، ކުއްލިއަކަށް އެހެން ބުނެފައި ބައްޕަ ތިއުޅެނީ ފިލައިގެން. އަހަރެމެން އެ ސުވާލު ކޮށްފާނެތީތަ؟ މިސާލަކަށް ބައްޕަ ތި ވާހަކަ ކިޔައިދިނީމަ، އަހަރެމެންގެ ފަރާތުން ވެސް ބައްޕައަށް ކިޔައިދޭން ހުރި ކިތަންމެ ވާހަކައެއް އެބަހުއްޓޭ” ވިޝާމް ސީރިއަސް ރާގަކަށް ބުންޏެވެ.
އެހިސާބުން އެ ދައްކަނީ ކޮންވާހަކަ އެއްކަން އެނގިގެން ސަދަފް ވެސް ހައިކަލް ދޭނެ ޖަވާބަކަށް އިންތިޒާރުކޮށްގެން އޮތެވެ. ހައިކަލް އެއްޗެއް ނުބުނެ ދޫކޮށްލީ ފިނި ނޭވާއެކެވެ.
“ބައްޕައަށް އެނގޭ އެމީއަކީ ބައްޕަ ދަރިފުޅުކަން..” ވިޝަމް އެވާހަކަ ދޫކޮށް ނުލާނެކަން އެނގޭތީވެ ހައިކަލް ދެކޮޅު ބަލާލާފައި އައިސް މަޑުކޮށްލީ ވިޝާމްގެ ކުރިމަތީގައެވެ. ދެމީހުންގެ ކަންފަތައް އަޑު ފޯރާނެހާ މަޑުން، އަމީރާ ފެނުނު ހިސާބުން ކުރުވެންފެށި ތަފާތު އިޙްސާސްއާއި، ވިޝާމްއާއި ސަދަފް އަދި ޔުމާންގެ އުޅުން ހުރިގޮތުން ޝައްކެއް ވެގެން ހައިކަލް އެކަނިމާއެކަނި ފާރަލީގޮތް ކިޔައިދިނެވެ. އަދި އޭނާގެ މަސައްކަތް ވެސް މެއެވެ. ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލުމަށްފަހު ހައިކަލް އިސްއުފުލައި ބަލައިލިއިރު، އެ މޫނުމަތީގައި ވަނީ ކުޑަކޮށް ލަދުގަނެފައި ހުރި ކަމުގެ ކުލަވަރެކެވެ. ބޮޑު މީހަކަށް ވެހުރެ، ކުޑަކުއްޖަކު ފަދައިން ސިއްރުން އެފަދަ ގޮތަކަށް ދަރިންނަށް ފާރަލީ ވާހަކަ އަމިއްލައަށް ކިޔައިދޭން ޖެހުމުން ހިސާބެއްގެ ޖެހިލުންވުމެއް ވެސް ފެންނަން ހުއްޓެވެ.
ހައިކަލްގެ ވާހަކަތައް އަޑުއަހާފައި، ވިޝާމާއި ސަދަފްއަށް ބަހެއް ވެސް ބުނަން ނޭނގިފައި އިރުކޮޅަކު ތިބެވުނެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލަ ބަލައިލަ ތިބިއިރު، އެ ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. އެމީހުން ހީކުރީ މިއީ އަދި ހަމައެކަނި އެމީހުންގެ މެދުގައި އޮތް ބޮޑު ސިއްރެއް ކަމަށެވެ. ނަމަވެސް ހައިކަލް އެކަނިމާއެކަނި އެ ހުރިހާ ހަގީގަތަކާ ހަމައަށް ވާސިލްވެފައިވާކަން އެނގުމުން، ލިބުނު ސިހުން ވީ އިހުނަށްވުރެ ބޮޑެވެ.
“އެކަމަކު ބައްޕާ ހަމަ އަހަރެމެންނަށް ފާރަލީތަ؟” ޒާތަކަށް އަނގަހަދައިގެން އިނދެ ވިޝާމްއަށް އެހުނެވެ. ހައިކަލް ބޯޖަހައިލިއެވެ. ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ވިޝާމް ބޯޖަހައިލިއެވެ.
“މަންމައަކަށް ނޭނގޭނެދޯ؟” ސަދަފް އަހާލިއެވެ.
“އާން ނޭނގޭނެ، ބައްޕަ ނުބުނަން މިހުންނަނީ.. މަންމަ ނުކުރާނެ ޝާއިރާގެ ކަމެއް ވިއްޔާ ގަބޫލެއް.. ދަރިފުޅުމެން ވެސް އެހެންވެ އެއްނޫންތަ ތި މަޑުކުރަނީ” ހައިކަލް ބުނެލިއެވެ. ވިޝާމްއާއި ސަދަފް އެއްބަސްވުމުގެ ގޮތުން ބޯހޫރުވާލިއެވެ.
“މަންމަ ކޮބައިތަ؟” ސަދަފް އަހައިލުމުން ހައިކަލް ދޫކޮށްލީ ނުތަނަވަސްކަމުން ފުރިގެންވީ ފުން އާހެކެވެ.
“ތި ވާހަކަ ނުދައްކާ! މިހާރު ވެސް ވީ ޕޮލިސް ސްޓޭޝަނަށް ގޮސް، ޝާއިރާއާ އެއްކޮށް މަންހާ މިނިވަންކުރަން ވެގެން ލޯޔަރެއް ހޯދައިގެން” ހައިކަލްގެ އަޑުގައި ވަނީ ފާޅުކަން ބޮޑު ނުރުހުމެކެވެ. “ދެން ނިކަން ވިސްނާލަބަލަ! އެމީގެ ކަންތަކުގައި ޝާއިރާގެ ހަގީގަތް ބުނެދިނަސް އާމިލާ ވަކި ގަބޫލުކުރާނެތަ؟”
“ތިހެން ބުނީމަ މި ހަނދާންވީ! މަންމަ އެދުވަހު އަހަރެން ލައްވާ ވެސް ލޯޔަރެއް ހަމަޖައްސުވަން އުޅުނު. މަށަށް ޖެހުނީ އެންމެ ފަހުން އާނއެކޭ ބުނަން. އެކަމަކު އޮފީހުގެ މަސައްކަތް ބަހަނާއަކަށް ދައްކައިގެން އަދިވެސް މިހުންނަނީ އެކަން ނުކޮށް. އެންމެ ފަހުން މަންމަ އަމިއްލައަށް ނުކުމެ އެކަން ވެސް ކުރަނީ ދޯ!” ސަދަފްއަށް ބުނެވުނެވެ. ހައިކަލް ވެސް އެކަންބޮޑުވުމުގައި ތެރޭގައި ހުރެ ބޯޖަހައިލިއެވެ.
ހައިކަލްވެސް އެކަންބޮޑުވުމުގައި ހުރެ ބޯޖަހައިލިއެވެ. ހައިކަލް ދެން އަހައިލީ އެމީހުންނަށް އެނގޭ އެއްޗެއް ވިއްޔާ ބުނުމަށެވެ. އިޔާންއާ ދެމެދު ދެކެވުނު ވާހަކަތަކާއި، ޑީއެންއޭ ރިޕޯޓުގެ ހަގީގަތް ވިޝާމް ވަރަށް ތަފްސީލުކޮށް ހައިކަލްއަށް ކިޔައިދިނެވެ. ނަމަވެސް، އިތުރަށް ކަންކަން ގޯސްވެދާނެތީ، ވަގުތުގެ ނާޒުކުކަމަށް ވިސްނާފައި މާކިންއާ ގުޅޭ ވާހަކަތައް އެވަގުތަށް ސިއްރުކޮށްލިއެވެ.
“ސޯދިގް ދެކުނިންތަ، އިޔާން އާއި ބައްދަލު ކުރި ފަހުން؟”
“ނޫނޭ، އޭނަ ނުފެނިގެން އިޔާން ވެސް އެ އުޅެނީ. ޑިއުޓީއަށް ވެސް ނުދާތާ މިހާރު މަހެއް ވަނީޔޯ. ދެން އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް އިޔާންއާ އެކުގަ އުޅޭ ކުއްޖަކު ފޮނުވީމަ އެނގުނީ، މިހާރު އެތަނުގައި އުޅެނީ އެހެން ބައެއްކަން. އެކަންތަކުގައި އުޅެނިކޮންނޭ އެމީއަށް ވެސް މިހެން މިވީ” ހައިކަލްގެ ސުވާލަށް ޖަވާބު ދިނީ ސަދަފްއެވެ.
“ދެން އެނގެނީ ހަމަ ގައިމުވެސް އޭނާ ގައުމުން ބޭރަށް ނުދާކަން..އެދުވަހު އިޔާން އޭނާގެ ޕާސްޕޯޓު އަތުލި..ދެން-”
ވިޝާމް ވާހަކަ ދައްކަދައްކާ ހުއްޓާ، ސިޑިއާ ދިމާލުން އެއްޗެއް ވެއްޓި ޖެހުނު ބާރު އަޑު އިވިގެން ދިޔައެވެ. ތިން މީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ސިހިފައި އެ ދިމާލަށް ބަލައިލެވުނެވެ. އެ ދެއްކި ސިއްރު ވާހަކަތައް އެހެން މީހަކަށް އަޑުއިވިދާނެ ކަމުގެ ބިރުވެރިކަމާއިއެކު، ހައިކަލް ވަގުތުން ސޯފާއިން ތެދުވެގެން ސިޑިގޮޅިއާ ދިމާލަށް ހިނގައިގަތެވެ. އަދި ބޭރަށް ނުކުމެވެން ހުރި ދޮރު ހުޅުވާލައި، ގޯތިތެރެއާއި ވަށައިގެންވާ މާހައުލު ފަރުވާތެރިކަމާއެކު ބަލައި ފާސްކުރަން ފެށިއެވެ. ނަމަވެސް އެއްވެސް އިންސާނެއްގެ ހިލަމެއް ފެންނާކަށް ނެތެވެ.
އެވަގުތު ދޮރުގެ ކައިރީގައި، އަނގައިގައި ޕާންފޮއްޗެއް ވިދާލައިގެން އޮތް ޔޫވިން ގެންގުޅޭ ބުޅާ ފެނުމުން، ހައިކަލްގެ ހިތަށް ލިބުނީ ހަމަޖެހުމެކެވެ. އެ އަޑަކީ ބުޅަލުގެ ސަބަބުން ވީ ކަމެއްކަން ޔަގީންކޮށްފައި، އޭނާ ފުން ނޭވާއެއް ދޫކޮށްލަމުން އަލުން އެތެރެއަށް ވަނެވެ.
ލިވިންގްރޫމަށް އައިސް ވިޝާމާއި ސަދަފް ގާތު އެއީ ބުޅަލެއްގެ ކަމެއް ކަމަށް ބުނެ އެމީހުން ހަމައަކަށް އެޅުވިއެވެ. އަދި ނަމާދު ވަގުތު ޖެހިފައިވާތީ، ނަމާދުކޮށްލަން ކަމަށް ބުނެ ހައިކަލް އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
“އިނގޭތަ، މަހާއްކޮ އެގަޑިގަ ގުޅީ.. ލައިލާ މަންމަ ގުޅީއޯ.. ވަރަށް އެހެންކަހަލަ ގޮތެއް މިހާރު މިވަނީ..”ހައިކަލް މައްޗަށް އެރިކަން ޔަގީންކޮށްފައި ވިޝާމް ވާހަކަދެއްކިއެވެ. ސަދަފް ސުވާލުކުރުމުން މަހާ ދެއްކި ވާހަކަ ކިޔައިދިނެވެ.
“މަ ދަންތަ އެކޮޅަށް؟ ލިއޯ އަށް ވަރަށް އުނދަގޫ ވަނެ ހެން ހީވަނީ އޭނާ އެކަނި ވީމަ..ހޫގޯއަށް ލިއޯ ނެތްކަން ކޮންމެ ވަގުތަކު ވެސް އެނގިދާނެ.. އެހެން ވެއްޖެއްޔާ މީހުން ފޮނުވާނެ، ދެން ހުރީ ކުޑަ އަންހެން ކުއްޖެއް” އިރުކޮޅަކު ވިސްނާލަން ހުރެފައި ވިސްނުނު އެންމެ ރަނގަޅު ހެން ހީވި ގޮތް ސަދަފް ބުނެލިއެވެ. އެހިޔާލް ވިޝާމްއަށް ވެސް ކަމުދިޔައެވެ.
****
ފެންވަރައިގެން ނުކުމެ އިޔާން ތައްޔާރުވަމުން ދިޔައެވެ. ކަޅުކުލައިގެ ގަމީހަކާއި ޖީންސެއް ލައިގެން ރީތިވާ މޭޒު ދޮށުގައި ހުއްޓިލިއެވެ. ގަމީހުގެ ގޮށްތައް އަދި އެއްކޮށް ނާޅުވައި ހުރުމުގެ ސަބަބުން، ކަސްރަތީ ހަށިގަނޑުގެ ފިރިހެންވަންތަކަން ހާމަވާން ހުއްޓެވެ. ޓެރަވުޑް ސެންޓު ފުޅިން ގަޔަށް ދެތިން ފަހަރަކު ޖަހައިލުމާއެކު، މުޅި ކޮޓަރިތެރޭގައި ހިފާލީ ތަފާތު މީރުވަހެކެވެ. ލޯގަނޑުން ބަލަން ހުރެ ގަމީހުގެ އެންމެ ތިރީ ދެގޮށް އަޅުވައިލި ވަގުތު، ފަހަތުން މަޑުމަޑުން އައިސް އޭނާގެ މެދުހަށީގައި ވަށައިލެވުނު މަޑު ދެއަތްތިލައިގެ ބީހުން އިހުސާސްވިއެވެ. އެއާއެކު އިޔާންގެ ތުންފަތްމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
އިޔާން ބަލައިލި ގޮތުން، ލޯގަނޑުން ފެންނަން ހުރި އަމީރާގެ ދޮން މޫނަށް ވެރިވެގެން ދިޔައީ ލަދުރަކި ކުލައެކެވެ.
“މަ ކައިރީގަ ހުންނަ އިރު ހީވަނީ ކުޑަ ކުޑަ ބޭބީއެއް ހެން” އަމީރާގެއަތުގައި ހިފާލަމުން، އޭނާއާއި ކުރިމަތިވާނޭހެން އިޔާން ހުއްޓިލިއެވެ. އިޔާންގެ ލާނެތް ޖުމްލައިން އަމީރާގެ ފުށުން އިވިލީ ހީލުމެއްގެ އަޑެވެ. ދެ ޒުވާނުންގެ އިސްކޮޅުގައި ބޮޑު ތަފާތެއް ހުރުމުން، އިޔާންގެ އެބަސްތަކުގެ ތެދުކަން އަމީރާއަށް ވެސް ނަގައިގަނެވުނެވެ.
“ދެން އެހެންވީ އިރު މަށައް ކޮއްކޮ ކިޔަންވީނު” ކުޑަކޮން ތުން ނެރެލަމުން ބުނެލިއެވެ. އިޔާންއަށް ހެވިގެން ދެފަރާތައް ބޯހޫރުވާލިއެވެ. އަމީރާގެ މޫނާއި ގާތްވެލަމުން ކޯތާފަތުގައި ތުންފަތް ޖައްސާލިއެވެ. އޭނާގެ ތުނބުޅީގެ އިޙްސާސް ކުރެވުމާއި އެކު އަމީރާއަށް ދެލޯ މަރާލެވުނެވެ. އިޔާން ގާތްވެލި ހިނދު އެ އަތުގެ ތެރެއަށް އަމީރާއަށް އިހުނަށްވުރެން ބޮޑަށް ވަދެވުނެވެ. އެގޮތުގައި ވަނިކޮން އެ ރީތި ވަގުތުކޮޅަށް ހުރަސްއެޅުނީ، ކޮޓަރީގެ ދޮރުގެ ބޭރުން ކުއްލިއަކަށް ރީއާ ގޮވައިލި އަޑު އިވުމުންނެވެ. ސިހިފައި އަމީރާ ދެލޯ ހުޅުވައިލަމުން، ހާސްވެފައި އިޔާންގެ އަތުތެރެއިން ދުރަށް ޖެހިލަން ތެޅިގަތެވެ. އެހެނަސް އިޔާން ހިފަހައްޓައިގެން ހުރިގޮތުން އެކަމެއް ނުވިއެވެ.
“ޓެރެސް އިން، މީޓް މީ އިން ޓޫ މިނެޓްސް” އަމީރާގެ ކަންފަތްދޮށުގައި ނުހަނު މަޑުމައިތިރި އަޑަކުން އިޔާން ބުނެލިއެވެ. އެ ހޫނު ނޭވާތައް ކަނދުރާއަށް އެޅިގެން ދިޔަ ހިނދު، އަމީރާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އިޔާން އެއްމިޔަކަނުން ހީލައިގެން ހުރެ ނިތް އަރުވާލުމުން އަމީރާ ބޯޖަހާލިއެވެ. އިޔާން ދޫ ދިނުމުން ލަސްނުކޮށް އަމީރާ ބޭރަށް ނުކުތެވެ.
ބޮލުގައި ޖެލްކޮޅެއް ހާކާލަމުން އިޔާން ނުކުތްއިރު ނީޝާންއާއި އެކު ރީއާ ސޯފާގައި އިން މަންޒަރު ފެނި ނީޝަން އަށް އޭނާ ދާކަން އަންގާލިއެވެ. އޭނާވެސް ވެސް ބޯޖަހައިލިއެވެ. ރީއާގެ ލޮލުގައި އަޅައިގެންފިނަމަ ފަހަތުން އަންނަން އުޅެފާނެތީ، އިޔާން ފިޔަވަޅުތައް އެޅީ ނުހަނު ސިއްރުންނެވެ. އެ ބައިގެ ދޮރު ހުޅުވާލައި ބޭރަށް ނުކުމެ، އަޑެއް ނީވޭނޭހެން މަޑުމަޑުން ދޮރު ލައްޕައިލެވުމުން، ހިތްހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު މިސްރާބު ޖެހީ ޓެރެހަށް އެރެން ހުރި ސިޑިއާ ދިމާލަށެވެ.
އިޔާން ސިޑިން އަރައިގެން ގޮސް ޓެރެހަށް ނުކުތްއިރު، ރެއިލިންގގެ ދަގަނޑުގައި ދެއަތް އަޅުވާލައިގެން ބޭރު ބަލަން އަމީރާ ހުއްޓެވެ. ފިނި ވައިރޯޅިތައް އޭނާގެ އިސްތަށިގަނޑާ ސަމާސާ ކުރަމުން ދިޔައެވެ. އެހާ މަޑުން ފިޔަވަޅު އަޑު ނީއްވާ އައި ނަމަވެސް ބޭނުންކޮށްފައި ހުރި ސެންޓުގެ ސަބަބުން އޭނާ އައިކަން އަމީރާއަށް އެނގުނެވެ. ފަސް އެނބުރިލެވުނު ހިނދު އޭނާއަށް ވަދެވުނީ އިޔާންގެ އަތުގެ ތެރެއަށެވެ. އެ ހިމައުނަގަނޑުގައި ދެއަތް އަޅުވާލަމުން އިޔާން ހަތަރުކަޅި ހަމަކޮށްލިއެވެ. ދެވަނަ ސިކުންތު އަމީރާގެ ކޯތާފަތުގެ ދެފަރާތުގައި ދެއަތުން ހިފަހައްޓައިލަމުން، އެ މޫނާއި މޫނު ގާތްކޮށްލިއެވެ. އިޔާންގެ ތުންފަތުގެ ހޫނު ބީހުން އިހުސާސްވުމާއެކު، އަމީރާއަށް އިޚްތިޔާރަކާއި ނުލައި ދެލޯ މަރައިލެވުނެވެ. އެތައް ދުވަހަކަށް ފަހު އެފަދަ ގާތްކަމެއް އިޙްސާސްކުރެވުނު އިރު، ދުރުވުމުގެ ބަދަލުގައި ވެވުނީ އިހުނަށް ވުރެން ގާތެވެ. އަމީރާގެ ހާލަތުވެސް ހިނދުކޮޅަކަށް ދެ ޒުވާނުން ހަނދާނުން ކައްސާލާފައިވާފަދައެވެ. ނޭވާކޮޅަށް ދާން އުޅޭހެން ހީވުމުން ދުރުވެލި އިރު މާ ނޭވާލެވެމުން ދިޔައެވެ.
”މިސްޑް ޔޫ!” އަކުރުތަކަށް ދަމާލަމުން އިޔާން ބުނެލިއިރު، ބޮޑުވަ އިނގިލިން ލަސްލަހުން އަމީރާގެ ތުންފަތުގައި ފިރުމާލެވުނެވެ. ރަތްކަމުން ހީވީ ލޭކޮޅެއްހެންނެވެ.
ބަހެއް ނުބުނެވި އިސްޖެހުނު އިރު، އެހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ މޫނަށް ވެސް ލޭކުލަ ވެރިވެގަތެވެ.
“އަދިވެސް ލަދުގަނޭތަ” އިޔާން މަޑުމަޑުން އަހާލިއެވެ. އަމީރާގެ ފުށުން ޖަވާބެއް ނުލިބުނު ނަމަވެސް އެމޫނުން ފެންނަމުން ދިޔަ ލަދުރަކިކަމުން ހީލެވުނެވެ.
“މިސް ޔޫ މޯރ” މަޑުމަޑުން އަމީރާ އިއްވާލިއެވެ. އަމީރާގެ ނިތުގައި ނުހަނު ލޯބިން އިޔާން ބޮސްދިނެވެ.
“ސޮރީ، މާ ގިނައިރު ދޮ ކޮޅަށް މި ބެހެއްޓެނީ.. މިހާރު ކިހިނެތް ކަރު؟” އަމީރާގެ އަތުގައި ހިފައިގެން އުނދޯލީގައި އިޔާން އިށީންދެލިއެވެ. ދެން އިޔާން ބަލަން ފެށި ހެނދުނު އަމީރާގެ ކަރުގައި ޒަހަމަށެވެ. އެހިސާބުތަކުން ރަތްކަން ކެނޑެންފަށާފައި ހުރުމުން ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ.
“އަދިތަ ކަރުގެ މަތިން ހަނދާންވީ؟ ދެންމެ ހީވީ ކަރު ބިންދާލަން އުޅުނުހެން” އަމީރާގެ ޖަވާބުން ހިނިއައިވަރުން އިޔާންއަށް ކޮލަށް ދޫ ހަރާލެވުނެވެ. އަވަސް އަވަހަށް މާފަށް އެދުނު އިރު އޭނާއަށް ދިޔައީ ހެވެމުންނެވެ.
“ނޫން، އިޓްސް އޯކޭ. ގެއަށް އާދެވުނީމަ އައި ފީލް މަޗް ބެޓާރ.. އޮފީހަށް ދާންތަ ތިއުޅެނީ؟” އިޔާން ރީތި ވެގެން ހުރުމުން އަމީރާ އަހައިލިއެވެ.
“ޔާހްހް.. ހެނދުނު ދާން އަސްލު މިމަޑުކުރީ.. އެކަމަކު މި މަންހާގެ ކަމެއްގެ އަނެއްކާ މިރޭ ދާންޖެހުނީ.. ކީއްކުރާނީ، އާމިލާ ދައްތަ ސްޓޭޝަންގަ ހުރި ވާހަކަ ބުނީމަ ދެން އިތުރު ގޮތެއް ވެސް ނެތީ ހަމަ” ފޫހިވެފައި ހުރެ އިޔާން ބުނެލިއެވެ.
“އެނީވޭސް އެމީކޮން ވާހަކައެއް ބުނަންތަ އުޅުނީ؟” އަމީރާގެ މޫނަށް ބަލައިލަމުން އިޔާން ނިތް އަރުވާލިއެވެ.
މަންހާގެ ނަން އިވުމާއެކު އަމީރާގެ މޫނުމަތި ބަނަވެގެން ދިޔައީ، ސާފު އަލި ދުވަހެއްގެ އުޑުމައްޗަށް ކުއްލިއަކަށް ވެރިވެގަތް ބޯ ކަޅުވިލާގަނޑެއް ފަދައިންނެވެ. ނަމަވެސް އޭނާ ދައްކަން ބޭނުންވި ވާހަކަތައް ދައްކަން ގަސްތުކުރިއެވެ. އިޔާންގެ މޫނަށް ބަލައިލަމުން އަމީރާ ހިންދިރުވާލިއެވެ. އަމީރާ އެއްޗެއް ނުބުނެ އޭނާގެ މޫނަށް ބަލަން އިނުމުން ހީލަމުން ނިތް އަރުވާލިއެވެ.
“އިޔާ، މީ.. މްމްމް” އަނގަ ހުޅުވާލާފައިވެސް ލައްޕާލެވުނީއެވެ. ދެއަތް ދެއަތާއި މޮޑެން ފެށުނީ އެވާހަކަ ހަމަ ބުނަންވީބާއޭ ހީވެފައެވެ.
“ޔެސް، ޓެލް މީ، ކިހިނެތް ވީ؟” އަމީރާގެ އަތުގައި ހިފާ ބާރުކޮށްލަމުން އިޔާން އަނެއްކާ ވެސް އެދުނެވެ.
“މީމީ، އާހްހް، އައި ރިމެމްބަރޑް އެވްރީތިންގް” މަޑުމަޑުން އަމީރާ ބުނެލިއެވެ. އިރުކޮޅަކު އިސްޖަހާލައިގެން އިނދެ އަމީރާ އިސް އުފުލާލި އިޔާންގެ ފުށުން ބަހެއް ނީވުމުންނެވެ. އޭނާ އުއްމީދު ކުރިގޮތާއި ހިލާފަށް ހައިރާންކަމުގެ ކުޑަވެސް އަސަރެއް އޭނާގެ މޫނުމައްޗަކުން ފެންނާކަށް ނެތެވެ.
“ޔެސް ޑޮކްޓަރ ބުނި އެކްސިޑެންޓުގެ ހަނދާން ހުރިކަމަށް އެމީ ބުނި ވާހަކަ..ޖިނާން ދޯ ހުރީ؟ އަހަރެން އެ ވާހަކަ ނުފަށަން މި މަޑުކުރީ އެމީ ބިރުން އުޅެފާނެތީ” އިޔާން ދެއްކި ވާހަކައިން އަމީރާ ބުނަން މަސައްކަތް ކުރި ވާހަކަ ފަހްމް ނުވާކަން އެނގުމުން އަމީރާއަށް އޭނާގެ އަތުގައި ހިފާ ދެފަރާތައް ބޯހޫރުވާލެވުނެވެ.
“އިޔާ ނޫން.. އާމިލާއާއި ހައިކަލް އަކީ އެމީގެ ޕޭރަންޓްސް ކަމާއި ޔުމާންއާއި ވިޝާމް އާއި މާއިން އަދި ސަދަފް އަކީ އެމީގެ ބޭބެމެން ކަން އެނގިއްޖެއޭ މިބުނީ!” މިފަހަރު ބުނީ އިޔާންއަށް ފަހުމް ވާހެންނެވެ. އަމީރާގެ ދުލުން ބޭރުވި އެ ސާފު ޖުމްލައާއެކު، އިޔާންގެ މުޅި ހަށިގަނޑު ގަނޑުވެގެން ދިޔަ ކަހަލައެވެ. ކަންފަތަށް އިވުނު ބަސްތައް ގަބޫލުކުރަން އޭނާގެ ސިކުނޑި ދެކޮޅުހެދިއެވެ. މޫނުމަތީގައިވި ލޭގެ ކުލަވަރު އެކީ ފިލައިގޮސް، މުޅި މީހާ ހުދުވެގެން ދިޔައެވެ.
*****
(ނުނިމޭ)
OOOOMMMMGGGG CANT WAIT FOR THE NEXT PART 😭😭love this episode 💗💗
sooo nice waiting for next part
Varah varah reethi…..thahkokheh avahah update kohlaba..
Thankolheh avahah next part genes dheyn veenu, haadha dhuvaheh kohfayey thi genes dhenee
PSM shshshshsh soo cuteeee😭😭😭 CANT wait for the nexttt my gawddd cutiess so Loabi 🤍😭