މި ޖިސްމުގާ ވަނީ 49 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 49

“”ބޭބް… އަޅެ އަހަންނަށް އާނއެކޭ ބުނެބަލަ. ސަދަފްއަށް ވުރެ މާ ބޮޑަށް އަހަރެން ލޯބިވާނަމޭ
ދެވަނަ މެސެޖު އައިއިރު، އޭގެ ތިރީގައި ވެސް ހަމަ އެ ފޮޓޯ އޮތެވެ. އެއްވެސް މީހަކަށް އެ ވާހަކަ ކިޔައިނުދިނުމަށް، ބަހެއް ނުބުނެ ކޮންމެ ފަހަރަކު ވެސް ދޭ އިންޒާރެއް ފަދައެވެ.
އިރަމްއަށް ހިތާމައިން ފޯވެފައިވާ ހާލު ތުންފިއްތާލެވުނެވެ. އެހެން އިންދާ ކުއްލިއަކަށް ސަދަފް ގުޅަން ފެށުމުން، ކެތްތެރިކަން ކޮޅުންލައި އިރަމްގެ ބަޑިފަޅައިގެން ދިޔައެވެ. އެނދުގައި ނިދާފައި ތިބި ދެ ކުދިންނަށް އަޑު އިވިދާނެތީ، ދެއަތުން އަނގަމަތީގައި އަޅައި ބާރުކޮށްލަމުން، ދުވެފައި ގޮސް ފާހާނާއަށް ވަދެ ދޮރު ލައްޕައިފިއެވެ.
***
އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލައިލިއިރު މާއިންގެ ތުންފަތުގައި ދެމިލީ ވިހަ ހިނިތުންވުމެކެވެ. މޫނުމަތިން ފެންނަނީ ބޮޑު ކާމިޔާބީއެއް ހާސިލުވެގެން އުޅޭ ފަދަ ކުލަވަރެކެވެ.
“އޯވް…” ސްކްރީނުގައިވާ ފޮޓޯއަށް ކަޅި ހުއްޓާލައިގެން ހުރެ މާއިން އަނެއްކާވެސް މަލާމާތުގެ ރާގަކަށް ހީލިއެވެ. އިރަމްގެ ފޮޓޯ އަތުގައި އޮންނަތާ ކިތަންމެ ދުވަހެއް ވީ ނަމަވެސް، އެ ފޮޓޯ ބޭނުންކޮށްގެން އޭނާއަށް ބިރުދައްކައި ގޯނާކުރާނެ ފުރުސަތު ތަނަވަސްވީ އަދި ކިރިޔާއެވެ. އިރަމް މިހާރު ގެންގުޅޭ އާ ނަންބަރު މާއިން ހޯދީ ނުހަނު އުނދަގުލުން، ނާޔާގެ ފޯނު ވަގަށް ނަގައިގެން ބަލައިގެންނެވެ.
“ކަލޭ ކޮން ކަމަކާތަ މާވަރަކަށް ތި ހެނީ، ރަނޑު އަންހެނެއްހެން؟” ފަހަތުން އިވުނީ ރަވީހްގެ އަޑެވެ. އޭނާ އައި ގޮތަށް މާއިންގެ ކޮނޑަށް އަތް ވައްޓާލިއެވެ. ސިހިފައި މާއިން ވަގުތުން ފޯނުގެ ސްކްރީން ނިއްވާލީ، އެ ފޮޓޯ އިތުރު މީހެއްގެ ލޮލުގައި އަޅައިގަންނަން ބޭނުން ނުވާތީއެވެ.
“ކޯއްޗެއް ތި ފޮރުވަނީ؟” މާއިން އަވަސްއަވަހަށް ފޯނު ޖީބަށް ކޮށްޕާލި ގޮތުން ރަވީހް ނިތް އަރުވާލިއެވެ. އެހެންނޫނަސް، ފަހަތުން އައި ވަގުތު މާއިން އެ ފޯނު ނިއްވާލުމުގެ ކުރިން ސްކްރީނުގައި އިން އަންހެން ކުއްޖާގެ ތަސްވީރު އޭނާއަށް ވަނީ ފެނިފައެވެ.
“މަވެސް ޒާތީ ކަންކަން ހުންނާނެއެއްނު. ތިއެއް ނޫނޭ، މިހާރު ލަސްވެސް ވެއްޖެ. ކަލޭ ވަންނަ ތާކު ފައި ހަރުލާތީ މި ލަސްވަނީ” ރަވީހް ނުކުމެގެން އައި ފިހާރައަށް ބަލައިލަމުން މާއިން ކުރިއަށް ހިނގައިގަތެވެ.
“ދެން ވާހަކަ އޮޅުވާލަން ނޫޅޭ! އެއްކަލަ މަންޖެގެ ފޮޓޯ ދޯ އެއީ؟” ރަވީހް ދެލޯ ހަނިކޮށްލައިގެން ހުރެ މާއިންގެ މޫނަށް ބަލަން ފެށީ ޖާސޫސީ ނަޒަރަކުންނެވެ. މާއިން ވަކި އެއްޗެއް ނުބުންޏެވެ. އޭނާގެ މޫނުމަތީގެ ކުލަވަރުން އެ ސުވާލަށް ޖަވާބުދޭން ބޭނުން ނުވާކަން ސާފުކޮށް އެނގެއެވެ. “އެ އެނގުން ކަލެއަށް އެހާ މުހިންމުތަ؟” މާއިން ފޫހި އަޑަކުން އަހައިލިއެވެ.
” ބުންޏެއްނު އަހަރެމެންގެ ހުރިހާ ކަމެއް އޭނާއަށް އެނގެންޖެހޭނެޔޭ. ގޭންގުގައި އުޅޭއިރު ކުރާ ހުރިހާ ކަމެއް ބޮސްއަށް އެނގިގެންނޭ ކަމެއް ދިމާވިޔަސް ސަރުކާރުގެ ތެރެއިން އެހީ ހޯދައިދެވޭނީ. އެކަކުގެ ވެސް ޒާތީ ކަމެއް ސިއްރުކޮށްފަ ފަހުން އެކަމުން ގޯހެއް އައިސް އަހަރެމެން ހުރިހާ އެންމެންގެ ބޮލަށް އައީމަ ކަމަކު ނުދާނެ.. މަށަކީ ވެސް ވޯންޓެޑް ލިސްޓުގަ އުޅޭ މީހެއް.. އެހެންވީމާ އެއްވެސް ސިއްރެއް އޮވެގެން ނުވާނެ. އެނޫނަސް މަށަށް ރަނގަޅަށް ހަނދާން އެބަހުރި، ރިސޯޓުގައި ހުރެފައި ކަލޭ ބުނީމެއްނު އެ މަންޖެގެ ފޮޓޯއެއް އެބައިން ކަމަށް. ސަދަފަށް ހުރިހާ މޮޅެއް ލިބުނަކަ ނުދޭނަމޭ ވެސް ބުނީމެއްނު. އޭނާގެ ފޯނު ވަގަށް ނަގައިގެން ކަލެއަށް ދިން މީހަކީ ވެސް ހަމަ މަ. ދެންމެ ކަލޭ ފަހަތުގައި ހުރެފައި މަށަށް ރީއްޗަށް ފެނުނު އެ އަންހެން ކުއްޖާގެ މޫނު” އެންމެ ފަހުން ރަވީހް ބުންޏެވެ.
މާއިންގެ ފިޔަވަޅުތަކަށް ވަގުތުން ހުއްޓުން އެރިއެވެ. އަދި ވިހަ ނަޒަރަކުން ރަވީހްގެ މޫނަށް ބަލައިލިއެވެ.
“އާނ، އެއީ ހަމަ އެ ފޮޓޯ. ރިސޯޓުގައި ހުރެފައި އެހެން ބުނި ފަހުން މިހާރު ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ. އެކަމަކު މި ވާހަކަ ކަލޭ ޖިނާން ކައިރީގައި ބުނަން ހަދައިފިއްޔާ، މަށަށް ވެސް ކުރެވޭނެ ކަންކަން ހުންނާނެކަން ހަނދާން ބަހައްޓާތި! އުއްމީދު ކުރަން މި ބުނި އެއްޗެއް ސިކުނޑިއަށް ވަދެއްޖެ ކަމަށް،” ރަވީހާ ދިމާއަށް ގުދުވެލަމުން މާއިން ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލީ ނުރައްކާތެރިކަމުން ފުރިގެންވާ އަޑަކުންނެވެ. އޭނާގެ ދެލޮލުން ފެންނަމުންދިޔަ ގޮތްދޫނުކުރުމުގެ ބާރު ފެނި، ރަވީހް ފަސްޖެހި، އިސްޖަހައިލިއެވެ.
“ކަލެއަށް މިހާރަކަށް އައިސް ކިހިނެއްވެގެންތަ ތި އުޅެނީ؟ ރިސޯޓުގައި ހުރެފައި އިރަމްގެ ވާހަކަ ދައްކައި، މި ފޮޓޯއިން ބިރުދައްކާނެ ވާހަކަ ބުނިއިރު ކަލޭ ހުރީ މަށަށް ފުލް ސަޕޯޓުގައި. މިހާރު ޖިނާން އައީމަ ކޮޅު ބަދަލުވީތަ؟” އަނެއްކާވެސް ހިނގައިގަންނަމުން މާއިން މަލާމާތްކޮށްލިއެވެ.
“ނޫނޭ، ރޭގައި ޖިނާން ދެއްކި ވާހަކައިން އެހެން މި ބުނީ. އެންމެން އެކުގައި އުޅޭއިރު އަހަރެމެންގެ ހުރިހާ ސިއްރެއް އޭނައަށް އެނގެންޖެހޭނެ ކަމަށް ބުނީ މާއިންގެ ވެސް ކުރިމަތީގައެއްނު،” ރަވީހް މަޑުމައިތިރިކަމާއެކު ބުންޏެވެ. މާއިން ވަކި ޖަވާބެއް ނުދެއެވެ. އެއްމިޔަކަނުން ހީލައިގެން ހުރެ ހިނގަމުން ދިޔައެވެ.
ދެމީހުން ވަދެގެން ދިޔައީ ހަނި ގޯޅިގަނޑެއްގެ ތެރެއަށެވެ. ސައިކަލަކަށް ވެސް ދަތުރުނުކުރެވޭހާ ހަނި އެ ގޯޅީގެ އެކި ހިސާބުތަކުގައި، ހަށިގަނޑުގެ ހަމަ ގެއްލިފައިވާ ދެޖިންސުގެ ޒުވާނުން ތިއްބެވެ. އެމީހުންގެ ލޯތައް މެރިފައިވާއިރު، ފައި ބިމުގައި ހަރުލަނީ ކިރިޔާއެވެ. އެމީހުންގެ އަތުގައި ބަނގުރާ ފުޅިތައް ހުރިއިރު، މުޅި އެ ހިސާބުގައި ވަނީ ރަލުގެ ނުބައި ވަސް ހިފާފައެވެ.
ނަމަވެސް މާއިންއާއި ރަވީހަށް އެއީ އާ މަންޒަރެއް ނޫނެވެ. އެކަކު އަނެއްކަކާ ބަހެއް ނުބުނެ ހިނގަމުން ގޮސް އެމީހުން މަޑުކޮށްލީ ގޯޅީގެ އެންމެ ކޮޅުގައި ހުރި، ވީރާނާވެފައިވާ ބޮޑު އިމާރާތެއްގެ ކުރިމަތީގައެވެ. ދޮރުން އެތެރެއަށް ވަދެ، އަނދިރި ސިޑިން އަރައިގެން އެމީހުން ދިޔައީ ތިންވަނަ ފަންގިފިލާއަށެވެ. މުޅި ހިސާބުގަނޑަށް ފަނޑު އަލިކަމާއި އާދަޔާޚިލާފު ހިމޭންކަމެއް ވެރިވެފައި އޮތެވެ. މާއިން ޖީބުން ނެގި ތަޅުދަނޑިން އެތަނުން ދޮރެއް ހުޅުވާލުމާއެކު، ބޭރަށް ބަންޑުންވެގެން ދިޔައީ ކަންފަތްތައް ބައްކޮށްލާ ފަދަ ބާރު މިއުޒިކުގެ އަޑެވެ. ދެމީހުން އެތެރެއަށް ވަދެ، ފަހަތުން އަވަހަށް ދޮރު ލައްޕާލިއެވެ.
ބޭރުން ފެންނަ ފަޅުކަމާ ޚިލާފަށް، އެތެރެ ހީވަނީ މުޅިން އެހެން ދުނިޔެއެއް ހެންނެވެ. މުޅި ތަން ފުރިފައިވަނީ ދެ ޖިންސުގެ ޒުވާނުންނެވެ. ތަފާތު ކުލަތަކުގެ ނިއޯން ބޮކިތަކާއި ސްޕޮޓްލައިޓްތަކުން މާހައުލު ވަނީ ދިއްލިފައެވެ. ދެއަރިމަތީގައި ސޯފާތަކާއި މޭޒުތައް ޖަހާފައި ހުރިއިރު، ދިގު ކައުންޓަރެއްގެ ފަހަތުގައި ހުރި ރެކްތަކުގައި އެކި ވައްތަރުގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިތައް އަތުރާފައި ހުއްޓެވެ. ކައުންޓަރުގައި ހުރި ބިދޭސީ މީހާ ދިޔައީ ތަށިތަކަށް ރާ އަޅައި، މީހުންނަށް ބަހަމުންނެވެ.
މެދުގައި އޮތް ހުސް ޖާގައިގާ އެތައް ޒުވާނުންނެއް ދިޔައީ ޖަހާފައި ހުރި ބާރު މިއުޒިކުގެ ބީޓަށް ނަށަމުންނެވެ. ހަށިގަނޑުގެ ބޮޑުބައި ހާމަވާ ފަދަ ހެދުންތަކުގައި ތިބި އަންހެންކުދިން، ތުއިވެ ތޫލި އަޑުތަކުން ހީ ހަޅޭއްލަވަމުން ދިޔައީ، ވީހާވެސް ބޮޑަކަށް އެތަނުގައި ތިބި ފިރިހެނުންގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައެވެ. ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ މަސްތުގެ ދުނިޔެއަށް ގެނބި، ހަމައިން ނެއްޓިފައިވާ މީހުންނާއި، ލަދުވެތިކަމެއް ނެތި ގައިގޯޅިވެގެން ތިބި ޖޯޑުތަކެވެ. އެތަނުގައި ހިނގަމުން ދިޔައީ ދީނީ އަދި އިޖުތިމާއީ ހުރިހާ މިންގަނޑަކުން ބޭރުވެ، ހައްދުފަހަނައަޅާފައިވާ ކަންކަމެވެ. މިއީ ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގެ ތެރޭގައި ހިނގައިދާނެ ކަމަށް ގަބޫލުކުރަން ވެސް ދަތި، ނުހަނު ހިތާމަވެރި ހަގީގަތެކެވެ. މިފަދަ ނުބައި، ފާސިދު އަމަލުތައް ހުއްޓުވައި، ކަމާބެހޭ އިދާރާތަކަށް އެންގުމުގެ ބަދަލުގައި، އެތަނަށް ޖަމާވެފައި ތިބި އެންމެން ވެސް ދިޔައީ ފާފަތަކުގެ އަނދިރިކަމުގެ ތެރެއަށް ފުންމައިގަނެ، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް ވައްޓާލަމުންނެވެ.
“ހެލޯ ” ރާފުޅިއެއްގެ މަތި ނަގައިގެން ސޯފާތަކާއި ދިމާލަށް މާއިން އައި ހިނދު ޖިނާންގެ އަޑު ޖެހުނެވެ. މާއިން އިސްއުފުލާ ބަލައިލިއިރު ޖިނާން އިނީ ސޯފާއެއްގައި ޒުވާން އަންހެން ކުއްޖަކު އުނގުގައި ބައިންދައިގެންނެވެ. މާއިން އާއި ރަވީހް އިށީންދެލީ ޖިނާންގެ ކުރިމަތީގައި ހުރި ސޯފާގައެވެ.
”ކޮބާ ކިހިނެތް ކަންތައްތައް ދަނީ؟ އޭނާ ހޭ އަރައިފިތަ؟” ރަވީހް އެއްސެވެ. އެއާއި އެކު ޖިނާން އޭނާއަށް ދިނީ ތަފާތު ނަޒަރެކެވެ. ހީވީ އެވާހަކަ ނުދައްކާށޭ ބުނެލިހެންނެވެ.
“އެހެމް އެހެމް، ބޭބް ދޭބަ” އުނގުގައި އިން އަންހެންކުއްޖާގެ މޫނުގައި ބޮސްދެމުން އޭނާ އެތަނުން ފޮނުވާލިއެވެ. އަދި ރަނގަޅަށް ހަމަޖެހިލިއެވެ.
“ދާން އުޅެނިކޮން ކައެމެން ތިއައީ..” ޖިނާން ދެއްކީ އެހެންވާހަކައެކެވެ. އެއަށްފަހު އޭނާ ރަވީހަށް ދެވަނަ ނަޒަރު ދިނެވެ.
އެދެމީހުންނަށް ފަހުމް ނުވީ ނަމަވެސް އެ ނަޒަރު މާއިންގެ ތޫނު ފިލި ސިކުނޑިއަށް ނަގައިގަނެވިއްޖެއެވެ. ފުރަތަމަ ފަހަރަށް ހިތުގައި ސުވާލް އުފެދިއްޖެއެވެ. ނަމަވެސް ސުވާލުކޮށްގެން އޭނާއަށް ޖިނާންގެ ފުށުން ޖަވާބެއް ނުލިބޭނެކަން އެނގޭތީ އަޅާނުލާ އިނެވެ. އެހެން އިންދާ ޖިނާން ފޯނު ނެގި މަންޒަރު ފެނި މާއިން އެކަމަށް ސަމާލުކަން ދިނެވެ. އިރުކޮޅެއް ވަންދެން ފޯނުން ޓައިޕް ކުރުމަށްފަހު ފޯނު ބޭއްވީ އޭނާގެ އުނގުމަތީގައެވެ. ދެން ބަލައިލީ އޭނާގެ މޫނަށެވެ. މާއިން ދުރުބަލައިލަމުން ތުމުގައި ފުޅި ޖަހާލިއެވެ. އެހެން އިނދެވެސް ޖިނާންއާއި ރަވީހްގެ އަމަލުތަކުން މާއިންގެ ނަޒަރު މިފަހަރު ކައްސާލާގޮތެއް ނުވިއެވެ.
ޖިނާން ބަލައިލީ ރަވީހްގެ މޫނަށެވެ. ލޮލުން އިޝާރާތް ކޮށްލީ ފޯނު ބެލުމަށެވެ. ނުގޮތަކަށް ޖީބަށް އަތް ކޮށްޕާލަމުން ރަވީހް ވެސް ފޯނު ބަލައިލިއެވެ. ޖިނާން ފޮނުވާފައި އިން މެސެޖުން ރަވީހްގެ ނިތައް އަރައިގެން ދިޔައީ ރޫތަކެކެވެ. އޭނާވެސް ކޮންމެވެސް އެއްޗެއް ލިޔެލާފައި ފޮނުވާލަމުން ފޯނު ދުރުކޮށްލިއެވެ.
“ސޯދިގްގެ ހަބަރެއް ހާދަ ނުވެއޭ މިދުވަސްކޮޅު؟” ރަވީހް އިނދެ އިނދެފައި ބުނެލިއެވެ.
” އާންން މަ ވެސް ރޭގަ ވަރަށް ހޯދަން އުޅުނިން.. މިރޭވެސް ދިޔައިން… އެޕާޓްމަންޓަށް ގޮސް ބެލް އަޅާ އަޅާ ބަލިވީ އިރުވެސް ހިލަމެއް ނުވި.. މާއިން ތަންކޮޅެއް ގާތެއްނު އޭނައާ؟ ހިލަމެއް ނެތް؟” ޖިނާން އަހައިލިއެވެ. އޭނާގެ އެ ސުވާލުން މާއިންއަށް ބަލައިލެވުނެވެ. އެދެމީހުންގެ އުޅުން ހުރިގޮތުން ދުރުކަމެއް އިޙްސާސް ކުރެވުނު އިރު، އޭނާ ޖަވާބެއް ނުދީ އެވީ ވަގުތު ކޮޅުގައިވެސް ދެ ފަހަރަށް އެކަކު އަނެއްކަކަށް ނަޒަރެއް ދީފިއެވެ.
ކީއްވެގެން ކަމެއް ނޭނގުނެވެ. ސޯދިގުވީ ތަން އޭނާއަށް އެނގެއެވެ. އެކަމަކު ދެމީހުން ކުރެ އެކަކު ކައިރީގައި ވެސް އެ ވާހަކަ ބުނާކަށް ހިތެއް އެއްބަހެއް ނުވިއެވެ. އޭނާއަށް ނޭނގި ކޮންމެވެސް ކަންތައްތަކެއް ގޯހުން ގޯހަށް ދާކަމުގެ އިންޒާރު ސިކުނޑީގެ ކަނަކުން ދޭން ފަށައިފިއެވެ. ދުވަހަކު ވެސް ކަމަކާ މެދު މިފަދަ ފުން ފިކުރެއް ނުކުރާ މިންވަރަށް، އެ ދެމީހުންގެ އުޅުން ހުރި ގޮތާ މެދު ފާރަވެރިވާން އޭނާގެ ޒަމީރު ބާރުއަޅަން ފެށިއެވެ.
“މާއިން؟” ޖިނާން ނިތް އަރުވާލަމުން ގޮވާލިއެވެ.
“ރިސޯޓުން އައި ގޮތަށް އަދި އޭނާއެއް ނުދެކެން” މާއިން ފުރަތަމަ ފަހަރަށް އެމީހުންގެ ކުރިމަތީގައި ދޮގެއް ހަދައިލިއެވެ. އެކަމަކު، އެކަމުން އޭނާގެ ހިތަކަށް އެއްވެސް އުނދަގުލެއް ނުވިއެވެ. މިހާ ކުރު ވަގުތުކޮޅެއްގެ ތެރޭގައި އަމިއްލަ ނަފްސަށް މިއައި ކުއްލި ބަދަލާމެދު އޭނާ އަމިއްލައަށް ވެސް ހައިރާންވިއެވެ.
“ހާދަ ފާޑަކަށް ތިއިންނަނީ؟ ގޭގަ ކަމެއް ވީތަ؟” އެއްމިޔަކަނުން ހީލައިގެން އިނދެ، ފުން ނަޒަރަކުން ބަލަހައްޓައިގެން ހުރެ ޖިނާން އަހައިލިއެވެ.
“ނޭނގިގެންތަ ތި އެހީ؟” މިފަހަރު މާއިން ވެސް ކޮށްލީ ސުވާލެކެވެ. މުޅި ސޯޝަލް މީޑިއާގައި އޭނާގެ އާއިލީ ވިޔަފާރިއަށް ދިމާވެގެން އުޅޭ ބޮޑު ހާދިސާގެ ޚަބަރުތައް ފެތުރިފައި އޮތްއިރު، ޖިނާން އެ ސުވާލު ކުރި ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާއަކީ ހައިކަލްގެ ދަރިއެއްކަން މިތަނުގައި ތިބި އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެއެވެ.
“ހަހަ… އެހާ އަވަހަށް ސީރިއަސްވީތަ؟ ކިހިނެއްތަ ވެގެން ތިއުޅެނީ؟” ސިއްރުވެރި ނަޒަރެއް ރަވީހަށް ދެމުން ޖިނާން އަނެއްކާވެސް މާއިންއަށް ބަލައިލިއެވެ.
“ޚަބަރުތަކުގައި އެހާ ތަފްޞީލުކޮށް އޮތް ކަމެއް، އިތުރަށް އަހަރެން ކިޔައިދޭކަށް ނުޖެހޭނެއެއްނު. ދެން މަ ދަނީ… ކުޑަ ކަމެއް އެބައޮތް” ތަށީގައި ހުރި އެންމެ ފަހު ފޮދުވަރު ބޯލުމަށްފަހު މާއިން ގޮނޑިން ތެދުވިއެވެ. މިރޭ އެ މާހައުލުގައި އިތުރަށް އެންމެ ސިކުންތަކުވެސް މަޑުކުރާކަށް އޭނާގެ ހިތް ބޭނުމެއް ނުވިއެވެ.
“އޭއި، ހާދަ އަވަހަކަށް؟ ދެންމެއެއްނު ތިއައީ!” މާއިން ހިނގައިގަތުމުން ރަވީހް ވެސް ފަހަތުން އަންނަން އުޅުނެވެ. ނަމަވެސް، ފަހަތަށް އަތް ހިއްލާލަމުން ނައުމަށް އިޝާރާތްކޮށް، މާއިން ބާރު ހިނގުމެއްގައި އެތަނުން ނުކުމެގެން ދިޔައެވެ.
މާއިން ދޮރުން ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރެފައި ރަވީހް އައިސް ޖިނާން ކައިރީގައި އިށީނެވެ. ރަވީހް ފެނުމާއެކު ޖިނާންގެ ތުންފަތްމައްޗަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ.
“ކަލޭ ވެސް ދޯ… އެނގެއެއްނު އޭނާ އާއިލާގެ ވާހަކަ ނުދައްކާނެކަން. އެންމެ ބޮޑުވަރަކަށް ވެސް ހިތްހަމަނުޖެހިގެން އެއްޗެއް ބުނާނީ ވިޝާމްއާއި ސަދަފަށް. ކަލޭ ދެން ހައިކަލްގެ ވާހަކަ އަހާކަށް ނުވާނެއެއްނު” ހެމުން ހެމުން ރަވީހް ބުނެލިއެވެ.
“ހެހެ… މިރޭ މަ ގަސްތުގައި އޭނާ އަވަހަށް ފޮނުވާލަން ވެގެން އެހެން އެހީ. ދެންމެ ފުލުހުންގެ ތެރޭގައި ހުރި މަގޭ މީހަކަށް ގުޅައިގެން ޚަބަރެއް ބަލައިލިން. އެމީހުންނަކަށް އަދިވެސް މަ މީ ކާކުކަން ދެނެގަނެވޭ ގޮތެއް ނުވޭ” ޖިނާން ފަޚުރުވެރިކަމާއެކު ބުންޏެވެ.
“މި ދަނޑިވަޅުގައި ކަލޭގެ އާއިލާއަށް ކަންކަން އަންގާލާފައި ބާއްވާ. ވަރަށް މަޖާވާނެ މަށާއި ޔަނާލްއާއި އޮންނަ ގުޅުން މާއިންއަށް އެނގޭ ދުވަހުން. އެއީ އެ ސޮރުގެ ކުއްޖެއްވިއްޔާ!” މަލާމާތުގެ ހުނުމަކާއެކު ޖިނާން އޭނާގެ ނުބައި ރޭވުމުގެ ވާހަކަ ދައްކަމުން ދިޔައެވެ.
“ތިއަށް ވުރެން މަޖާވާނެ ޔަނާލްއަކީ މަގޭ ކަޒިންއެއް ކަން އެނގުނީމަ” ރަވީހް ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ.
”އުނދަގޫ ވެސް ވޭ، މިހުރިޙާ ދުވަހު އެކީގަ އުޅެފަ، ކައެ އާއި އަމީރާގެ ކަންތައް ފެށުނީމަ ދުރުކޮށްލަން ޖެހުނީމަ.. އަހަރުންމީ ހާދަ ގާތްކޮން އުޅުނު ބައެކޭ.. އޭނާގެ ވެސް ވަރަށް ރަނގަލު ސައިޑެއް އިންނާނެ.. ބުރޯއަށް ވުރެން ބޮޑަށް ގިނަ ދުވަހު މިއުޅެވުނީ އަހަރުންނަށް ވިއްޔަ މާއިން އާއި އެއްކޮން..” ނުހުއްޓާ ހެމުން ރަވީހް ބުނެލި ނަމަވެސް، އޭނަގެ މޫނުމަތިން ފާޅުގައި ނުތަވަސްކަން ފެންނަން ހުއްޓެވެ.
“ދެން މާ ބޮޑަށް ހާސްވާނެ ކަމެއް ނެތް. މިހުރިހާ ދުވަހު ވެސް ކަލެއަށް ތިއުޅެވުނީއެއްނު އެހާ ބޮޑު ސިއްރެއް ހިފަހައްޓައިގެން. މިހާރު މަ ވެސް މިކަމުގެ ތެރޭގައި ހުރީމަ މާ ފަސޭހަވާނެ ދޯ ދެން..ހަހަހަ…” ޖިނާން ރާގަކަށް ހީލިއެވެ.
“މަ މާއިން އެއްލާލަން އުޅެނީކީ ނޫނޭ. އެކަމަކު މި ދަނޑިވަޅުގައި އަމީރާގެ ވާހަކަ ދެއްކުމަކީ މާ ބުއްދިވެރި ގޮތަކަށް ނުވާނެ. ކުރިން އަމީރާގެ ވާހަކަ އޭނާގެ ކައިރީގައި މަ ނުދެއްކީ ވެސް ޝައްކެއް ވެދާނެތީ. އިޔާން ކެމެރާގެ މަންޒަރުތައް ބަލައިފިއްޔާ ހަގީގަތް އެނގޭނެ. މި ބުނީ އަމީރާގެ އެކްސިޑެންޓް ހިނގި ގަޑީގަ މަގޭ މަގމަތިން ފެންނަން ހުންނާނެ..އެކަމަކު އަމީރާއާއި ހައިކަލްގެ އާއިލާއާ އޮތް ގުޅުން މާއިންއަށް ނޭނގި އޮތީމަ މަސްލަހަތު ގޯސްވާ ވަރުގެ ކަމެއް ނުވެ އަދި އެއޮތީ. އެކަމަކު މިހާރު މިހިތައް އަރަނީ، އަމީރާއަކީ ކާކުކަން މާއިންއަށް ނޭނގި އޮވެދާނެތަ؟ މިބުނީ، އޭނާގެ ފަރާތުން ފެންނަ ސިއްރުވެރިކަމުން.. ކަލެއަކަށް ޝައްކެއް ނުވޭތަ؟ ހާދަ ސިއްރުވެރިއޭ މާއިން މިހާރު!” ޖިނާން ވިސްނުންތެރިކަމާއެކު ވާހަކަދެއްކިއެވެ. ވާހަކަ ދައްކަމުން ގޮސް ފަހުން ބުނެލި ތިން ޖުމްލަ އޭނާ ބުނެލީ ގޮތަކަށެވެ. އަދި ކަރުކެހިލުމަށްފަހު ފެންފޮދެއް ބޯލަމުން ރަވީހްގެ މޫނަށް ފުންކޮށް ބަލައިލިއެވެ.
ރަވީހްގެ ނިތްކުރިމައްޗަށް ވެރިވި ރޫތަކާއި މޫނުމަތިން ފެނުނު ހައިރާންކަން ފެނި، ޖިނާންގެ ތުންފަތްމައްޗަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ. ރަވީހްގެ ސިކުނޑިއާ ކުޅެލެވުނުކަން ޔަގީންވުމުން، ޖިނާން އިނީ ހިތުގެ އަޑިން ނުހަނު ހަމަޖެހިފައެވެ.
“ޝުޝް… އެއޮތް އަންނަނީ މާއިން!” ދޮރު ހުޅުވާލާފައި މާއިން އެތެރެއަށް ވަދެގެން އައި މަންޒަރު ފެނުމާއެކު ރަވީހް ސިއްރުސިއްރުން ބުނެލިއެވެ.
“ކިހިނެއްވީ؟ ޚިޔާލު ބަދަލުވީތަ؟” މޫނުމައްޗަށް އާދައިގެ ކުލަވަރެއް ވެރިކުރުވަމުން ޖިނާން އަހައިލިއެވެ.
“ނޫނޭ، ފޯނު ބާއްވާފައި ދެވުނީ. މިއޮތީނު” މާއިން ކުރިން އިށީނދެގެން އިން ސޯފާގެ ކުޝަން ދަށަށް އަތް ކޮށްޕާލައި، ފޯނު ނަގަމުން ބުންޏެވެ. އަދި އެ ދެމީހުންނަށް އާދައިގެ ފަނޑު ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު، އެއްވެސް ޝައްކެއް ނުވާ ފަދަ ގޮތަކަށް އަނެއްކާވެސް އެތަނުން ނުކުމެގެން ދިޔައެވެ.
****
ދުނިޔެ މައްޗަށް އިރުގެ ރަން ދޯދިތައް ފަތުރާލީ، ކޮޓަރިއާއި އިންވެގެން ހުރި ބެލްކޮނީގައި އާމިލާ އިންދައެވެ. އިރުއަރައި އެތައް ވަގުތެއް ހިނގައި ދިހައެއް ޖެހިއިރުވެސް އިންގޮތައް އިނެވެ. އެކަނިމާ އެކަނި އިން އިރު އޭނާގެ މޫނުގައިވީ މޮޅިވެރިކަމުގެ ސާލެއް ލެވިފައެވެ. ދެލޮލުން ކަރުނަތައް ނުފޭބި ނަމަވެސް އެސްފިޔަތަކުގައި ހަރުލާފައިވާ ކަރުނަތިކިތަކުން އިރުކޮޅެއް ކުރި ރޮއެފައި ހުރިކަން ހެކިދެއެވެ. ދޭތެރެއަކުން ނޭފަތް ދަމާލައެވެ.
އަމީރާގެ ހާލަތު އެނގުމުން ހިތް ފަޅައިގެންދާ މިންވަރަށް މޭގައި ރިއްސަމުން ދިޔަނަމަވެސް އެ އަންހެންކުއްޖާ ދެކިލަން ދާނެ ހިތްވަރެއް ހަށިގަނޑަކު ނެތެވެ. ނާޔާގެ ފަރާތުން އެކްސިޑެންޓުގެ ހަބަރާއި ޑޮކްޓަރުންގެ ވާހަކަތައް އެނގުނު ހިނދުވެސް އޭނާގެ މެޔަށް ހިތް ހީވީ ކޮށި ވަޅިއަކުން ހަރަމުން ދިޔަހެންނެވެ. ނާޔާ ގާތު ހިތްވަރުކޮށްލައިގެން ހުރެފައި، އެކަނިވުމާއި އެކު އާމިލާގެ ބަނޑި ފަޅައިގެން ދިޔައެވެ. އެވަގުތުން ފެށިގެން އަދި ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ. ހޮސްޕިޓަލަށް ދިއުމަށް މިހާރު ހައިކަލް ވެސް ދެތިން ފަހަރަކު ގުޅައިފިއެވެ. ނަމަވެސް އެހިތްވަރެއް ނެތެވެ. އަމީރާގެ ނަން އެކަނި އިވުނަސް އޭނާ ބޭޒާރުވާނެއެވެ. އެންމެންގެ ކުރިމަތީގައިވެސް އޭނާގެ ކަރުނަތައް ކޮންޓުރޯލުކުރެވުމަކީ ނާދިރުކަމެއްކަން މިހާރުވެސް ޔަގީނެވެ. މިނެޓަކު ދެފަހަރު ކަހަލަ ގޮތަކަށް އާމިލާއަށް ނާޔާ ނުވަތަ ޔުމާންގެ ފޯނަށް ގުޅައިގެން އަމީރާގެ ހާލަތު ބެލެއެވެ. އުއްމީދީ ޖަވާބެއް ޑޮކްޓަރު ނުދޭ ހަބަރުން އޭނާގެ ހިތް ފުނޑެމުންދާ ކަހަލައެވެ.
“ދޮންތާ..ދޮންތާ” ދެލޮލުން ނިރާލި ކަރުނަތިކި ފުހެލަން މަޖުބޫރުވީ ކޮޓަރި ތެރެއިން ޝާއިރާގެ އަޑުއިވިގެން ދިއުމުންނެވެ. ބެލްކޮނީގައި ކަމަށް ބުނެ އާމިލާ ޖަވާބު ދިނެވެ. އެހިނދު ޝާއިރާ ނުކުމެގެން އައެވެ.
“ދޮންތާ މިތާގަތަ؟ އަހަރެން ހާދަ ވަރަކަށް ހޯދައިފީމޭ.. އިއްޔެއިން ސުރެން މިހާ ބޮޑު ކަމެއް ވެގެން ދިޔައިރު ދޮންތަ އަޅެ ލޮލަށް ފެނި ނުލިއޭ” ވާހަކަ ދައްކަމުން އައިސް ހުއްޓުނީ އާމިލާގެ ކުރިމަތީގައެވެ. އޭރު ޝާއިރާގެ ދެލޮލުން ފެންތައް ފައިބައެވެ. ބަލާބެލުމުން އެއީ ގަދަކަމުން ގެނެސްހުރި ކަރުނަކަމެއް މީހަކަށް ރެއަކާ ނުލާނެކަން ގައިމެވެ. ޝާއިރާ ތަމްސީލް ފެށީ އެހާ ވެސް މޮޅަށެވެ.
“ކިހިނެތްވީ ޝާއިރާ؟” އާމިލާ ތެދުވެލަމުން ޝާއިރާ ކުރެން އެއްސެވެ. އެހިނދު ކުރިއަށް ވުރެން ބޮޑަށް ތުންފިއްތާލަމުން ޝާއިރާ ރޮއިގަތެވެ. އާމިލާ ކަންބޮޑުވެއްޖެއެވެ. ޝާއިޜާގެ ކޮނޑުގައި ހިފާލަމުން އޭނާ ކުރިން އިން ގޮނޑީގައި ބައިންދާލިއެވެ.
“އަޅެ ކިހިނެތްހޭ ވީ؟ ވީގޮތެއް ނުބުނެ ރުޔަކަސް އެހީވާކަށް ނޭނގޭނެއޭ ޝާއިރާ” ޝާއިރާގެ ކޮނޑުގައި ފިރުމަމުން އާމިލާ އަހަމުން ދިޔައެވެ. އަމީރާ ވަޒީފާއިން ކަނޑާލީ ޝާއިރާކަން އެނގިފައިވުމުން އޭނާ ދެކެ އައިސްހުރި ރުޅިވެސް، އޭނާގެ އެ ކަރުނަތަކުން ފިލާދިޔައެވެ. ޝާއިރާގެ ކަރުނަތަކަކީ އާމިލާގެ ބަލިފައެވެ. އޭނާގެ އުޅުން ގޯހަކަސް އާމިލާގެ ހިތުގައި ޝާއިރާއަށް އަބަދުވެސް އޮންނަނީ ވަރުގަދަ ލޯތްބެކެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. އެއީ އޭނާގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ފުރާނައެވެ.
“ޔުމާން އާއި ވިޝާމްއާއި އެ ސަދަފް، އަހަރެންގެ މަންހާ ފުލުހުންނާއި ހަވާލުކޮށްފި” ދެލޯ މަރާބާރުކޮށްގެން އިނދެ ޝާއިޜާ ވާހަކަ ދެއްކިއެވެ. ހޯސްލާފައި ދެލޮލުން ބާލުވަމުން ދިޔަ ކަރުނަތައް އާމިލާ ފުހެދޭން އިން އިރު އެ ޖުމްލައިން ސިހޭ ގޮތް ވިއެވެ. އަމީރާގެ ބޮލުގައި އެލޫވުނު ތުހުމަތާއި އޭނާ ވަޒީފާއިން ވަކިކުރީ ޝާއިރާކަން އެނގިފައިވީ ނަމަވެސް، އެކަމުގައި މަންހާ ހައްޔަރު ކުރި ހަބަރު އެއްވެސް މީހަކު އޭނާއަށް އަދި ދީފައި ނުވާކަން އާމިލާގެ މޫނަށް ވެރިވެގެން ދިޔަ ކުލަވަރުން ހެކިދެއެވެ. އަމީރާގެ ހާލަތައްފަހު އެހެން އިތުރުކަމަކާއި ވިސްނޭނެ ވަރެއް ސިކުނޑީގައި ނެތެވެ.
“އޭން! އެއީ ކީއްވެ؟ ” އާމިލާއަށް ކޮޅަށް ތެދުވެވުނެވެ.
“އެމީހުން ހުރިހާ ކަމެއްގެ ތުހުމަތު އަޅުވަނީ މަންހާގެ ބޮލުގަ.. މަންހާ ބުނެގެންނޯ ސުޒީ ހުރިހާ ކަމެއް ކުރީ؟” ޝާއިރާ ބުނެލިއެވެ.
“ކޮން ސުޒީއެއް؟ ކޮން ހުރިހާ ކަމެއް؟ ޝާއިރާ ތި ތަންކޮޅެއް ރޯ ފިލާހެން ކިޔާފާނަންތަ؟ ތިވަރު ވެގެން ދިޔައިރު އަހަންނަށް އަނގާވެސް ނުލާ އެކަކުވެސް” ޝާއިރާ ކިޔާމުން ދިޔަގޮތުން އާމިލާ ރަނގަޅަށް ވެސް ބޮލުގައި ރިއްސައިގަތެވެ.
“އަމީރާ ވަޒީފާއިން ވަކިކުރީ އޭނަ ހެދި ކާއެއްޗިހުނުން ކަސްޓަމަރަކު ފުޑު ޕޮއިޒަން ވެގެން.. އެހެންވެ އެންނު އަހަރެން އޭނަ ވަޒީފާއިން ކަނޑާލީ.. އެހެންވެ ޔުމާން ކެމެރާގެ މަންޒަރުތައް ބަލަނިކޮން ފެނުނީ-“ޝާއިރާ ކިއެވެ. އޭނާ ކިޔައިދޭންފެށީ ހަމަ ކެމެރާގެ މަންޒަރުތައް ފެނުނު ގޮތަށެވެ. ޔުމާންމެން ގެއަށް އައުމުން އާމިލާ ސުވާލު ކުރާނެކަން ޝާއިރާއަށް އެނގެއެވެ. އަނެއްކޮޅުން އޭނާ ދޮގުހަދައިގެން ވާހަކަ ދައްކައިފިނަމަ އާމިލާ ޝައްކު ކުރާނީ އޭނާއަށް ތާއެވެ. އޭރުން މަންހާ ސަލާމަތް ވާނެ ގޮތެއް އެއީ ނެތް ގޮތެކެވެ. ޝާއިރާ ވާހަކަ ދެއްކީ އޭނާގެ މަކަރުވެރި ސިކުނޑީން ނުހަނު ވިސްނުންތެރިކަމާއި އެކުގައެވެ. އެޅޭ އެންމެ ކަތިފިޔަވަޅަކީ ވެސް އޭނާގެ ބަރުބާދީއެވެ.
“މި ގަމާރު އަންހެނާ ބޮލަށް އެރެވުނީމަ ދެން މިކަން ވާން އޮތީ” ހިތާހިތުން ޝާއިރާ ބުނެލި ވިހަ ހިނިތުންވުމެއް ތުންފަތައް ވެރިވާން އުޅުނެވެ. ނަމަވެސް އަވަސްއަވަހަށް ހިނިތުންވުން ފޮރުވާލާފައި އިހުނަށްވުރެން ބާރަށް ރޮއެގަތެވެ.
“އެ ކަސްޓަމަރު މަރުވެއްޖެ… ދޮންތަ ބުނެބަލަ އެތާގަ ސުޒީ ކައިރީގަ މަންހާ ހުރުން، އެއީ އެކަމުގަ މަންހާ ބައިވެރިވުންތަ؟ ނޫނީ މަންހާ އާއި ސުޒީ އެކުވެރިންނަށް ވީމަ އެއީ އެކަމުގަ ބައިވެރިވުންތަ؟ ނުބައި ގާތިލުންނާއި ވެސް ހެޔޮލަފާ މީހުން އެކުވެރިކަން އޮވޭ، އެކަމަކު އޭގެ މާނައެއް ނޫން ދޯ އެއީ ނުބައި މީހާ ކުރާ ހުރިޙާ ގޯސް ކަމެއްގަ ރަނގަޅަށް ހުންނަ މީހާ ބައިވެރިވެއޭ؟” ޝާއިރާ ބުނެލިއެވެ. އާމިލާއަށް ހުރެވުނީ ބުނަންވީ އެއްޗެއް ވެސް ނޭނގިފައެވެ. އެފަދަ ކަމެއްގައި ޝާއިރާ ދޮގު ހަދާފާނެ ކަމަކަށް އޭނައަށް ހިއެއް ނުވެއެވެ. އެކަމަކަށް ޝައްކެއް ވެސް ކުރާކަށް ބޭނުމެއްނޫނެވެ. ޝާއިރާ ދައްކަމުން ދިޔަ މައުސޫމު ކުލައިން އާމިޅާގެ ބޮލަށް ރަނގަޅަށް އެރެލިއެވެ.
“ޔުމާން ކޮބާތަ މިހާރު؟ ހިނގާ ސްޓޭޝަނަށް..” ޝާއިރާގެ އަތުގައި ހިފައިގެން އާމިލާ އުޅެންފެށީ އެތަނުން ނުކުމެގެން ދާށެވެ. ނަމަވެސް ޝާއިރާ ހުއްޓުވިއެވެ.
“ސްޓޭޝަނަށް ދިއުން އެއީ ބޭކާރު ކަމެއް! އިއްޔެއިން ސުރެން އަހަރެން ގޮސް އެތާގަ ހުރެ އާދޭސްކުރަނީ.. މިއަދު އަރައިގެން ދިޔަ އިރާއި އެކު އެތަނަށް ގޮސް ހުންނަތާ ދެ ގަޑިއިރު ފާއިތުވީ ފަހުން ގެއަށް މިއައީ މާޔޫސްވެގެން.. އެމީހުން ބުނަނީ ވަކިގޮތެއް ނުނިމެނީސް އާއިލާއަށް ވެސް ބައްދަލެއް ނުކުރެވޭނެއޭ.. ބޭބެމެން އެކުވެރިން އުޅޭނެ އެންނު ..އަޅެ ދޮންތަ ބަލާލަބަލަ ގޮތެއް ވޭތޯ.. ދެން ފަހަރެއްގަ ޔުމާންއާއި ވާހަކަ ދެއްކީމަވެސް ގޮތެއް ހަދާދީފާނެ.. އެއީ ހުސް ދޮންތައަށް ކުރެވެން ހުރި ކަންކަން” ޝާއިރާ ދެލޯ ފުހެމުން އާމިލާގެ މޫނަށް ބަލައިލިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އާމިލާ ބޯޖަހައިލިއެވެ.
“ހިނގާ ތިރިއަށް ދަމާ، އެމީހުން ގެއަށް އައީމަ ވާހަކަ ދައްކަން މަޑުކޮށްލާނީ..އޭރުން ހުންނާނީ ހަމަވެސް ޖެހިފަ… ދޮންތަ އެބަޖެހޭ ހޮސްޕިޓަލަށް ވެސްދާން” އާމިލާ ޖަވާބު ދީފައި، ހިނގައިގަތީ ކޮޓަރީން ނުކުމެލާށެވެ.
“އަހަރެންގެ ދަރި ޖަލުގަ އޮތް އިރު މި އަންހެނާ އަދިވެސް ހޮސްޕިޓަލަށްތަ މިއުޅެނީ ނުދެވިގެން؟ މިއަދު މަންހާ ޖަލުން ނުނެރެފިއްޔާ ހޭ އަރުވާލާނަން! ހަނދާންކުރާތި!” އާމިލާ ދިޔަ މަންޒަރު ބަލަން ހުރި ޝާއިރާގެ ދެލޮލުގައި ވީ މަކަރުވެރިކަމާއި ވިހަކަމުން ފުރިފައިވި ނަޒަރެކެވެ. ދެއަތް މުށްކަރުވާލިގޮތުން، އަމީރާގެ ގާތައް އާމިލާ ދާން އުޅޭ ވާހަކައިން ޝާއިރާ އައިސް ހުރި ރުޅި އަންދާޒާ ކޮށްލެވެއެވެ.

އާމިލާ ތިރިއަށް ފޭބިއިރު ސިޓިންގރޫމްގެ ސޯފާގައި މާއިން އިނެވެ. އެފަދަ ގަޑިއެއްގައި މާއިން ގޭތެރެއިން ފެނުމުން އާމިލާއަށް ލިބުނީ ހައިރާންކަމެކެވެ. ހައިކަލް ފެނޭތޯ ކޮޓަރިއަށް ދާން އުޅެފައި ވެސް، މާއިން ފެނުމުން އޭނާގެ ގާތުގައި އިށީނދެލުމުގެ ބޭނުމުގައި ސޯފާއާ ދިމާއަށް ހިނގައިގަތެވެ. އެހެން ފަހަރުތަކާ ޚިލާފަށް، މިފަހަރު އާމިލާ ކައިރިވެލުމުން ވެސް މާއިން އިންތަނުން ތެދުވެގެން ކޮޓަރިއަށް ދާކަށް ނޫޅުނެވެ. އެކަމުން އާމިލާގެ ހިތަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އެހެން ދަރިން ބަހައްޓާ ފަދަ ގާތްކަމެއް މާއިން ނުބަހައްޓާތީ އަދި އެހުންނަ ނޭދެވޭ މިޒާޖުން އަބަދުވެސް ހިތުގައި ރިހުމެއް ހުންނަ ނަމަވެސް، މާއިން ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ.
“ދަރިފުޅާ، ސައިބޮއެފިންތަ؟” އާމިލާ ނުހަނު ލޯތްބާއެކު މަޑުމައިތިރިކޮށް އަހައިލިއެވެ.
“ހޫމް” މާއިންގެ ޖަވާބު ކުރު ނަމަވެސް، އެ އަޑު އިވުމުން އާމިލާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އިތުރު ސުވާލެއް މާއިންއާ ކުރުމުގެ ކުރިން، ބޭރު ދޮރު ހުޅުވުނު އަޑަށް އާމިލާ ފަސްއެނބުރި ބަލައިލިއެވެ. އެތެރެއަށް ވަދެގެން އައި ހައިކަލް ފެނުމުންނެވެ.
“އަހަރެން ހީކުރީ ކޮޓަރީގައި ކަމަށް… ކޮންތާކުން ތިއައީ؟ ކަމެއް ގޯސްވީތަ؟” އާމިލާއަށް އެހުނެވެ.
“އަހަރެން ހީކުރީ ކޮޓަރީގަ ކަމަށް… ކޮންތާކުން ތިއައީ؟ ކަމެއް ގޮސްވީތަ؟” ހައިކަލް ވަދެގެން އައި އިރު އޭނާގެ މުޅި މޫނު ހީވަނީ ހިތާމައިގެ ތަސްވީރެއް ހެންނެވެ. ފެންނަނީ ފުން ހިތާމައާއި މާޔޫސްކަމެވެ. ރުއިމުގެ ސަބަބުން ދެލޯ ވަނީ ރަތްވެފައެވެ. އަތުގައި ލިޔުންތަކެއް ހުރިއިރު، އެ ދެލޮލުން އާމިލާއަށް ބަލައިލި ގޮތުން ފެނުނު ރިހުމުގެ ސަބަބުން، ދެންމެ އާމިލާގެ ހިތަށް ލިބުނު ހަމަޖެހުން އެކުގައި ގެއްލިގެން ދިޔައެވެ.
“ކިހިނެތްވީ؟ ތީ ކޮން ގަނޑުތަކެއް؟” އާމިލާ ތެދުވެ ގޮސް ހައިކަލްގެ އަތުގައި ހިފާލީ ކަންބޮޑުވެފައި ހުރެއެވެ.
“ހުރިޙާ ރެސްޓޯރެންޓެއް ވަގުތީ ގޮތުން ބަންދުކުރަން އަމުރެއް އައިސް” ހައިކަލްއަށް ބުނެވުނީ އެވަރަށެވެ. ލޮލުން ފައިބައިގަތް ކަރުނަތަކާއެކު އަޑު ބެދި، ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އާމިލާއަށް އަށް އަނގަމަތީގައި އަތް އަޅުވާލެވުނެވެ.
ކަލް ގޮސް ސޯފާގައި އިށީނދެ، ދެއަތުން މޫނު ފޮރުވާލަމުން އިސްޖަހައިލިއެވެ. އޭނާ ގިސްލަމުން ލޯ ފުހެމުން ދިޔަ މަންޒަރު ފެނި، އާމިލާގެ ދެލޮލުން ވެސް ކަރުނަ ފާއްދާލިއެވެ. އާމިލާ ހައިކަލްގެ ކައިރީގައި އިށީނދެ، އޭނާގެ ބުރަކަށީގައި ފިރުމަމުން ހިތްވަރު ދެމުން ދިޔައެވެ. އިތުރަށް އޮޅުންފިލުވަން ބޭނުންވި އެތައް ކަމެއް ހުރި ނަމަވެސް، ހައިކަލްގެ ހާލަތު ފެނިފައި އޭނާ ކެތްތެރިވީއެވެ. އިރުކޮޅަކު އިނދެފައި މާއިން ވެސް އެތަނުން ތެދުވަތެވެ. ދަމުން ހައިކަލްގެ އުނަގަނޑުގައި ޖަހާލިއެވެ.
****
އަމީރާ ބޭއްވިފައި އޮތް ކޮޓަރީގެ ދޮރާއި އިން ވެގެން ހުރި ގޮނޑި ބަރީގައި އިޔާން އިން އިރު އިނީ އިސްޖެހިފައެވެ. އަމީރާ އެކޮޓަރީގެ ތެރެއަށް ވެއްދުނު ވަގުތުން ފެށިގެން އޭނާ އިނީ އެގޮތުގައެވެ. ނަމާދު ވަގުތުތަކަށް ނޫނީ އެ ގޮނޑިން ތެދުވުމުގެ ޚިޔާލެއް ވެސް އޭނާގެ ނެތެވެ. ނަދީމާއި، މަޖުދާގެ އިތުރުން ވިޝާމް އެތައް ފަހަރަކު އާދޭސްކޮށް، ހަށިގަނޑަށް ކުޑަވެސް އަރާމެއް ދިނުމަށް އެދުނަސް، އިޔާންގެ ހިތް އެކަމަށް އެއްބަހެއް ނުވިއެވެ. ޖެހިގެން އެހުރި ކޮޓަރީގެ ހަތަރު ފާރު އެތެރޭގައި މިދުނިޔެއިން ލޯބިވި ހަމައެކަނި އަންހެންކުއްޖާ ފުރާނައާ ހަނގުރާމަކުރަމުން ދާއިރު، ބޭރުގައި އޭނާއަށް ލިބޭނެ އަރާމެއް ނެތް ކަހަލައެވެ. އިޔާންގެ މުޅި ދުނިޔެ ހުއްޓިފައިވާ ފަދައެވެ. އަމީރާގެ ފަރާތުން އުފާވެރި ޚަބަރެއް ނީވޭހާ ހިނދަކު އެތަނުން ދުރަށް ފިޔަވަޅެއް އެޅުމަކީ އޭނާގެ އަމިއްލަ ނަފްސަށް ދެވޭ އަނިޔާއެއް ކަމުގައި މެނުވީ ނުވާނެއެވެ.
އެ ކޮޓަރިއަށް ވަދެ ނުކުމެ ހަދާ ކޮންމެ ޑޮކްޓަރަކާއި ނަރުހެއްގެ ފަހަތުން އޭނާގެ ނަޒަރު ދަތުރުކުރަނީ އުއްމީދުން ފުރިގެންވާ ސުވާލުތަކަކާއި އެކުގައެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ލިބޭ ޖަވާބު ބަދަލެއް ނުވެއެވެ. އަމީރާގެ ހާލަތު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމާއި، ހޭއަރާނެ ވަގުތެއް ބުނަން ދަތިކަމަށް ބުނާ ބަސްތަކުން ހިތުގައި އަޅަމުންދާ ވޭން އިތުރުވުން ނޫން ކަމެއް ނުވެއެވެ. ކޮންމެ ސިކުންތަކީ އެ ހިތް ކުދިކުދި ކުރަމުންދާ ވަގުތެކެވެ. އެހެންނަމަވެސް، އޭނާ އިނީ ކެތްތެރިކަމުގެ އެންމެ ފަހު މިންވަރަށް ހިތް ހަމަޖައްސައިގެންނެވެ.
އިޔާންގެ އަތުގައި އޮތް ފޯނުގެ ސްކްރީނުން ފެންނަން އިނީ އަމީރާގެ ތަސްވީރެކެވެ. އެއީ ރީއާއާއިއެކު ގޭތެރޭގައި އުޅެމުން ދިޔަ އުފާވެރި ދުވަހެއްގައި އިޔާން ނެގި ފޮޓޯއެކެވެ. އަމީރާގެ ތުންފަތުގައިވީ މައުސޫމް ހިނިތުންވުމުން މުޅި މޫނު އުޖާލާކޮށްދެއެވެ. ފޯނުގެ ސްކްރީނުގައި މަޑުމަޑުން އިނގިލި ބީއްސާލެވުނު ހިނދު، ކޮންޓްރޯލުން ނެއްޓިގެން ފޭބި ކަރުނަތިއްކެއް ގޮސް ވެއްޓުނީ އަމީރާގެ އެ ހިނިތުންވެފައިވާ މޫނުމައްޗަށެވެ.
އިޔާންގެ ހާލަތު ފެނި، ދުރުގައި ހުރި މީރާންގެ ހިތަށް ވެސް އަސަރުކުރަމުން ދިޔައެވެ. އެ ހިސާބުގައި ވެރިވެފައި އޮތް މަރުފަދަ ހިމޭންކަން މުގުރާލަނީ ދޭތެރެއަކުން އެ މަގުން ދަތުރުކޮށްލާ ހޮސްޕިޓަލުގެ މުއައްޒަފުންގެ އަޑުންނެވެ.
“ހެލޯ .. ” އިޔާންއަށް ހުއްޓިފައިވި މީރާން ނަޒަރު ދުރުކޮށްލީ ގާތުން ފިޔަވަޅެއްގެ އަޑުއަހާފައެވެ. އިސްއުފުލާ ބަލައިލިއިރު ސަދަފްއެވެ. އޭނާގެ ކޮނޑުގައި ދަބަހެއް އޮތެވެ.
“އެއްޗެއް ކައިފިތަ؟” އިޔާން ދައްކާލަމުން ސަދަފް އަހާލިއެވެ. މީރާން ދޫކޮށްލީ ފުން ނޭވާއެކެވެ. ދެފަރާތައް ބޯހޫރުވާލަމުން ދައްކާލީ އޭނާއިން ގޮނޑިއާއި ޖެހިގެން ހުރި ގޮނޑީގައި ކުރީންސުރެން ބެހެއްޓިފައިހުރި ކޮތަޅުތަކަށެވެ. އެއީ ކާއެއްޗިހި އަޅާފައި ހުރި ކޮތަޅުތަކެކެވެ.
“ދޮންބެ ކާން ނުގޮސްގެން ދޮންތަބެއާއި ބައްޕަ ގެންނަހާ އެއްޗިހި މި.. އެއްވެސް އެއްޗެއްގަ އަތެއް ނުލި.. މިހާރު އެއްބައި ޑަސްބިނަށް ވެސް އަޅައިފިން..” މީރާން ބުންޏެވެ.
“އާހްހް.. އެމީ އާއި ބެހޭ އެންމެ އަޕްޑޭޓެއް ވެސް ނުލިބެނީސް އިޔާން ނުކާނެ.. މިތަނުން ނުވެސް ދާނެ.. ކޮބާތަ މަންމަމެން؟” މީރާން ގާތު ސަދަފްވެސް އިށިންދެލިއެވެ.
“އެމީހުންވެއްޖެ ކެންޓީނަށް ގޮސްފަ.. ދޮންތަމެން ވެސް އެބައުޅޭ.. އާމިލާ ދައްތަ އާއި ހައިކަލްބެ މެންދުރު އައިގޮތައް އިރުއޮއްސެނިކޮން އެދިޔައީ.. ހައިކަލްބެ ބުނި މިރޭ އަންނާނަމޭ… ތީ ކީއްކުރާ ދަބަހެއް؟” މީރާން އަހައިލިއެވެ.
“މީ ދޯ.. އިޔާން ލާނެ އެއްޗެއް ހިފައިގެން މިއައީ.. މަށާ އެއްކޮން ތިއްތިބެވެސް އައޭ.. ޒަން ގުޅައިގެން އެދިޔައީ ބަލާ..” ސަދަފް ބުންޏެވެ. އެހެންހޭ ބުނެ މީރާން ވެސް ބޯޖަހައިލިއެވެ.
“ކިހިނެއް ދަނީ ފުލުހުންގެ ތަހުގީގު؟ ކަމެއް ސާފުވިތަ؟” މީރާން މަޑުމަޑުން އަހާލިއެވެ.
ސަދަފް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ.
“ކިހިނެއް ދާނީ؟ މިހާރު ނިޔާވި ފަރާތުގެ އާއިލާއިން އެވަނީ މައްސަލަ ވަރަށް ބޮޑުކޮށްފައި. އެމީހުން ތިބީ އެއްވެސް ދުލެއް ދޭ ގޮތަކަށް ނޫން. ރެސްޓޯރެންޓް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައި އޮތުމުން ބައްޕަ ހުރީ ވަރަށް ދެރަވެފައި. ހަގީގަތުގައި އަދި ގެއަށް ވަދެލާނެ ފުރުސަތެއް ވެސް ނުލިބޭ. އޮފީހުން ނުކުތް ގޮތަށް މިއައީ މިތަނަށް” ސަދަފް މަޑުމަޑުން ގޮނޑީގައި ލެނގިލިއެވެ.
“ބައްޕައާއި ދޮންބެ ނެތީމަ ރިސޯޓުތަކުންނާއި ކޮންސްޓްރަކްޝަން ސައިޓުތަކުން އައި ހުރިހާ މައްސަލަތަކާ މިއަދު އެކަނި މިޖެހުނީ ކުރިމަތިލާން. ތިއްތިބެ ބުނި ރެސްޓޯރެންޓްގެ ހުރިހާ އައުޓުލެޓުތަކަކުން ވެސް ޝަކުވާތައް އައި ވަރުން އޮފީހުން ދެވުނީ ވެސް ވަރަށް ލަސްވި ފަހުންނޭ.. މީޑިއާތަކުގެ މީހުންވެސް ގޯލްޑެންފޯކްގެ ކައިރީގަ އިއްޔެ ހެނދުނު ހަރުޖެހި ގޮތައް އަދި ނުދޭ.. އަހަރުން މީހެއްގެ ބަހެއް ހޯދަނީ އެ.. އެހެންވެ ތިއްތިބެ ގެއަށް ދާންޖެހުނީ އޮފީހުގެ ފަހަތު ދޮރުން.. ފުލުހުން މަނާ ކޮށްފަ އޮތީ އަދި އެއްވެސް އެއްޗެއް މީޑިއާގެ ކުރިމަތީގަ ބުނަން.. އެނޫންނަމަ މިހާރު ދޮންބެ ސްޓޭޓުމަންޓެއް ނެރުނީސް.. އެކަމާއި ހުރެ މުޅި ދުވަސް މިހެން.. ކުންފުނީގެ އަބުރަށް މިކަމުން ލިބުނު ގެއްލުން ކުޑައެއް ނޫން. ދެން ވާނެ ގޮތެއް އެނގޭނީ މާދަމާ އިރުއެރީމަ” ކުންފުންޏަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން މުޅި އާއިލާ ވަނީ ނާޒުކު ހާލަތެއްގައެވެ. ހައްތާހާވެސް މަންހާގެ ނުބައި ނުލަފާކަމާއި ސުންޕާކަމުގެ ނަތީޖާއެވެ. އެވަގުތުވެސް މަންހާގެ ނަން ސިކުނޑިއަށް އައުމުން ސަދަފްއަށް މޫނު ހަދާލެވުނެވެ.
“މީ އިރޫ ކޮބާތަ؟” ސަދަފް މީރާން ކުރެން އަހާލިއެވެ. އެ ސުވާލުން މީރާންވެސް ސަދަފްއަށް ނަޒަރެއް ދިނެވެ.
“އުޅެފިން ގުޅަން ވެސް، ތިދެމީހުން ކަމެއް ވެގެންތަ ތިއުޅެނީ؟” ސަދަފްގެ ސުވާލަށް ޖަވާބެއް ދިނުމުގެ ބަދަލުގައި މީރާންއަށް ވެސް ކޮށްލެވުނީ އިތުރު ސުވާލެކެވެ. ސަދަފްގެ ނިތައް އަރައިގެން ދިޔައީ ރޫތަކެކެވެ.
“ނޯވޭ! އަހަންނަކަށް ނޭނގެ ވީ ގޮތެއް، ގުޅާ ގުޅާ ވަރުބަލި ވެއްޖެ. މިހާރު އޯލްމޯސްޓް މަހެއް މިވީ މިހެން ދާތާ.. މީޓުވާން ބޭރަށް ދާން ހިނގާށޭ ކިޔާ ކިޔާ އެއްޗެއް ނުބުނެގެން އެމީ އެކްސިޑެންޓް ވުމުގެ ކުރިން ދެތިން ރޭ ގެއަށް ވެސް ދިޔައިން، އެކަމަކު ބައްދަލެއް ނުކުރެވުނު. ބުނަނީ ނިދާފައޭ އޮތީ. ކޮލެޖް ކައިރިއަށް ވެސް އޭނާ ނިމޭ ގަޑިއަށް ދިޔައިން. ދިމާލެއް ނުވި..ވީ ގޮތެއް ނޭނގި ހަމަ ކުއްލިއަކަށް ދުރުވެގަނެގެން މިއުޅެނީ. ފޯނު ނުނަގާ ހުރެފައި އެތައް ދުވަހަކުން މެސެޖަކަށް ރިޕްލައި ކޮށްލިޔަސް އޮންނަނީ ‘ޔާހް’ ނޫނީ ‘އޯކޭ’ ފަދަ ކުރު ޖަވާބެއް. އެކަމާ ބޯގޮވާފައި ހުއްޓާ މިހުރިހާ ކަމެއް މި ލައިގަތީ. އެ ހާލުގައި އުޅެމުން ރޭގައި ވެސް އަނެއްކަ ވަރަށް ގުޅިން، އެކަމަކު ދިމާވާ ގޮތެއް ނުވި” ސަދަފް ކިޔައިދިނެވެ. އޭނާގެ އަޑުގައިވީ ފުން ރިހުމެކެވެ. ވީ ގޮތެއް ނޭނގި އެހާ ބޮޑަށް އިރަމް އޭނާ ދުރުކޮށްލުމުން ހިތަށް އަސަރު ނުކޮށެއް ނުހުންނާނެއެވެ. އޭނާއަށް ނޭނގި ނަމަވެސް އިރަމް ހިތްހަމަނުޖެހޭ ފަދަ ކަމެއް ކުރެވިފައި އޮތަސް މާފަށް އެދެވޭނީ ވެސް ބުނީމަތާއެވެ. އެންމެ ކުޑަމިނުން ފޯނަށް ޖަވާބު ނުދޭތާނގައި މެސެޖަކަށް ވެސް ރަނގަޅަކަށް ޖަވާބެއް ނުދެއެވެ. ސަދަފް އިނީ ވާނުވާ ނޭނގި، ހަދާނެ ގޮތް ހުސްވެފައެވެ.
“ވަޓް؟ ނީޝް މި ދެތިން ދުވަހު އެ ނިދަނީ ކުޑޫ ކައިރީގައި. ނީޝް ރޭގަ ބުނި ކުޑޫ ފޯނުން ކޮންމެވެސް މީހަކަށް ވަރަށް މެސެޖު ކުރިހެން ހީވި ވާހަކަ. އަދި ދެލޯ ވެސް ވަރަށް ރަތްވެފައި ހުރި ކަމަށާއި، ހީވަނީ ރޮއެފައި ހުރިހެން ކަމަށް ބުނީ. އޭނާއަށް ވެސް ނިދިފައި އޮވެފައި ހޭލެވުނު ވަގުތު ފެނުނީމާ މާ ބޮޑު ކަމަކަށް ނަހަދައި އެވަގުތު އަޅާނުލީއޯ. ދެން ނީޝް ވެސް ހީކުރީ ތި ދެމީހުން މައްސަލައެއް ޖެހިގެން އުޅެނީ ކަމަށް. މަށަކަށް ވެސް އަދި ތިއިން އެއްވެސް ކަމެއް އެނގިފައެއް ނެތް. އެހެންނޫންނަމަތާ ކުޑޫއާ ވާހަކަ ދައްކައިގެން ކަމެއް ސާފުކުރެވޭނީ ވެސް،” މީރާން ވެސް އިނީ ނުހަނު ހައިރާންވެފައެވެ. އެހާ ކުއްލި ގޮތަކަށް އިރަމްގެ މިޒާޖަށް އެފަދަ ބަދަލެއް އައި ސަބަބަކާމެދު އޭނާގެ ސިކުނޑީގައި ސުވާލުތައް އެނބުރެން ފެށިއެވެ.
“މަންމަމެން އައީމަ ގެއަށް ގޮސްފަ އަޅެ ދުރުދުރުން ބަލާލާނަން އިނގޭ.. ކުޑޫ އެއީ ގައިމު އެހެން އެޓިޓިއުޑުގަ ވެސް ގިނަ ދުވަހު ހުންނަ މީހެއްނޫން.. ތިބުނީ ދޯ މިހާރު މަހެއް ވެއްޖެއޭ” ސަދަފްގެ މާޔޫސީ މޫނަށް ބަލައިލަމުން މީރާން ހަމްދަރުދީއާއި އެކު އަހައިލިއެވެ. ސަދަފް ބޯޖަހައިލިއެވެ.
“ޔާޙް، އެއްކަލަ ކަންތައްގަނޑައް ފަހު އިރޫ ގެއަށް ދޫކޮށްލި ރެއިން ފެށިގެން މި ބަދަލެއް އައިސްފި.. އެޓްލީސްޓ މެސެޖަށް ވެސް ޖަވާބެއް ނުދޭތީ ދެރައީ.. ދެން އިޔާން ހުރީ އޭނައާއި ޥާހަކަ ދައްކަން.. އެކަމަކު މިހާރު އެހުރީ އިޔާންގެ ހާލަތުވެސް ފެންނަން” ސަދަފް ދޫކޮށްލީ ފުންނޭވާއެކެވެ.
“އެކަމަކު ހިތަށް އުނދަގޫ މިވަނީ، ކާކަށްބާއޭ އިރޫ އެހާ ވަރަށް މެސެޖު ކުރަން ހުންނާނީ ހިތަށް އަރާފައި. އިރޫގެ ނުވެސް ހުންނާނެ އެއްވެސް ފިރިހެން ރައްޓެއްސެއް.. އަނެއްކާ ކޮންކަމަކާބަ އެ ރޮވުނީ؟” މީރާންގެ ވާހަކައިން ސަދަފްގެ ހިތައް ވެގެން ދާން ފެށީ ނުހަނު އުނދަގޫ ގޮތެކެވެ. ނޭވާއަށް އުނދަގުވެ މެޔަށް ބާރުވެގެންދާ ކަހަލަ ގޮތެއް އިޙްސާސް ވަމުން ދިޔައެވެ.
“ހާސްނުވޭ، މިރޭ ގޮސް ބަލާނަން ތިވާ ގޮތެއް،” ސަދަފްގެ ހިތްހަމަޖައްސައިދޭން މީރާން ބުނެލިއެވެ. ނަމަވެސް ހަގީގަތުގައި މީރާންގެ ހިތުގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެ ވަގުތުން ފެށިގެން އޭނާއަށް އިންތިޒާރު ކުރެވެން ފެށުނީ މަޖުދާ އަންނާނެ އިރަކަށެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް ގެއަށް ގޮސް، އިރަމްއާ ސީދާ ސުވާލުކޮށް ހަގީގަތް ހޯދާށެވެ.

މީރާން އަށް ދަބަސް ހަވާލުކުރުމަށްފަހު ސަދަފް އެތަނުން ނުކުމަންނަން ދިޔައީ އާމިލާ ގުޅަން ފެށުމުންނެވެ.
ސަދަފްއަށް ގެއާއި ހިސާބަށް ފޯރާ ވަރުވީ ކާރު ދުއްވަމުން ދިޔަތާ ވިއްސަކަށް މިނެޓުފަހުންނެވެ. މަގުތަކުގައި ހަލަބޮލިކަން އިންތިހާއެވެ. ނަމާދު ވަގުތައް ވުމުން ކައިރި މިސްކިތްތަކުން އިވެމުން ދިޔައީ ބަންގީގެ މޫރިތި ކަލިމަތަކުގެ އަޑެވެ. ނަމަވެސް މިސްކިތައް އަރަން ނޫޅެ ގެއަށް ދިޔައީ މުޅި ދުވަހު ފެން ނުވަރާ ހުރުމުން، ތާޒާވެލުމަށްފަހު ނަމާދު ކުރުމުގެ ބޭނުމުގައެވެ. ކާރު ޕާކުކޮށްފައި ވަތް އިރު ފުރަތަމަ ބައްދަލުކުރީ ލިވިންގުރޫމުގައި އިން އާމިލާއެވެ.
“މަންމާ، ކޮބާ، ބައްޕަ؟” އާމިލާގެ ގާތުގައި އިށީންދެލަމުން ސަދަފް އަހާލިއެވެ. ޖަވާބެއް ނުދީ އާމިލާ އިޝާރާތްކޮށްލީ ސޯފާގެ ކުރިމަތީގައި އޮތް ގަނޑަށެވެ. އޭރު އޭނާގެ ދެލޮލުގައިވީ ކަރުނައެވެ. އިރުގަނޑެއް ކުރީންވެސް އެތައް އިރަކު ރޮއެފަ ހުރިކަން އެދެލޯ ހެކިދެއެވެ.
“ބައްޕައަށް ފޯނެއް އައިސްގެން އެދިޔައީ ކޮޓަރިއަށް… ދަރިފުޅާ ބަލާބަލަ، އެއީ ފުލުހުން މިއަދު ހެނދުނު ދިން ނޯޓިސް. އެމީހުން ވަކި ގޮތެއް އަންގަންދެން، ސާޅީސް އަށް ގަޑިއިރަށް ހުރިހާ ރެސްޓޯރެންޓެއް ބަންދުކުރަން އަމުރުކޮށްފައި އެއޮތީ… ރެސްޓޯރެންޓްތަކުގެ މައި އިމާރާތާއި އެހެން ހުރިހާ އައުޓްލެޓްތަކަކަށް ފުލުހުން ވަދެ ޗެކްކުރި ކަމަށް ވަނީ. ބައްޕައަށް އޮތް އިހުތިރާމެއްގެ ބޮޑުކަމުން އެމީހުން ވެސް ވަރަށް ޖެހިލުންވެ ތިބެ އެކަން އެކުރީ. ދަރިފުޅުމެންނަށް ވެސް އެނގެއެއްނު ބައްޕަގެ މާ ގިނަ ދުޝްމަނުންނެއް ނޫޅޭނެކަން… މުޅި މުޖުތަމައުގައި ނަން ހިނގާ، އެންމެންގެ އިހުތިރާމް ލިބިފައިވާ ޝަޚުޞިއްޔަތެއް ބައްޕައަކީ. އެތައް ޒުވާނުންނެއްގެ ނަމޫނާއެއް… މިއީ މުޅި އުމުރު ދުވަހު ބައްޕަ ކުރި ބުރަ މަސައްކަތް، މިހެން ވީމާ ކިހާ ދެރަވާނެ! ހެނދުނު އެހާ ވަރަށް ރޮއެފައި، ދެންމެވެސް އެހާ ދެރަވެގެން އެ ވާހަކަ ދެއްކި ވަރުން މަންމަގެ ހިތަށް ކެތްނުވެގެން ދަރިފުޅަށް މި ގުޅީ” ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އާމިލާގެ އަޑު ބެދި، ކަރުނަތައް ހޯސްލާފައި ފައިބަން ފެށިއެވެ. ވާހަކަ ދައްކަމުން ދިޔަވަރަކަށް އާމިލާގެ ކަރުނަތައް ވީ އިތުރެވެ. އަމީރާގެ ނާޒުކު ހާލަތުގެ ސަބަބުން ހިތް ކުދިކުދިވެފައި ވަނިކޮށް، ހައިކަލްގެ އެ މާޔޫސީ މޫނު ފެނުމުން އާމިލާގެ ހިތުގައި ވަނީ ނުފިލާ ދިލަ ރިހުމެއް އުފެދިފައެވެ. މަންމަގެ ކަރުނަތައް ދެކެން ކެތްނުވެގެން ސަދަފް އޯގާތެރިކަމާއެކުއާމިލާގެ ގައިގައި ބައްދާލިއެވެ. އެއާއެކު އާމިލާގެ ކަރުނުން ސަދަފްގެ ކޮނޑު ތެމިގެން ދިޔައެވެ. ސަދަފް މަޑުމަޑުން މަންމަގެ ބޮލުގައި ފިރުމަމުން ދިޔައެވެ.
“ކޮބާތަ މާއިން؟” އަހަން ނާހަން ހުރެފައި ސަދަފް އަހާލިއެވެ.
“މަންމަ ވަރަށް ހިތްހަމަ ޖެހިފަ މިހުންނަނީ.. މާއިން ވެސް ހިތައް އެއްޗެއް އެރީ ކަންނޭގެ.. ހެނދުނު އޭނާ މިތާގަ އިންދަ ބައްޕައައީ.. ބައްޕަ ރޮނިކޮން ފެންނާނެ .. ކޮޓަރިއަށް ނުވަދެ މިތާގަ އިރުކޮޅަކު އިނދެފަ އެދިޔައީ.. ބަހެއް ނުބުނެ އެކަމަކު ވެސް ، ބައްޕަގެ ކޮނޑުގައި ޖަހާލި.. އެވެސް އޭނާގެ ކައިރިން ފެނުނު ކުޑަ އޯގާތެރިކަމެއް.. ހީވަނީ، ހީކުރި ވަރަށް ވުރެން އަވަހަށް ބައްޕަ ހަމައަކަށް އެޅުނީވެސް މާއިންގެ އެއަދާއިން ކަންނޭގެ..”އާމިލާ ކިޔައިދިން ވާޙަކަތަކުން މިފަހަރު ސަދަފްގެ ދެލޯ ބޮޑުވިއެވެ. އެދައްކަނީ ހަމަ މާއިންގެ ވާހަކަ ހެއްޔޭ ދެތިން ފަހަރު އާމިލާ ކުރެން ތަކުރާރްކޮން އެހުނެވެ.
“ލައްބަ ދަރިފުޅާ ހަމަ މާއިން.. ހެއޮ ވިސްނުން ލިބެނީ ކަންނޭގެ.. ” ދެލޯ ފުހެމުން އާމިލާ ބުނެލިއެވެ. ސަދަފްވެސް ކުޑަގޮތަކަށް ހީލިއެވެ.
“މަންމައާއި ބައްޕަ މާ ބޮޑަށް ކަންބޮޑުނުވޭ. އެމީގެ ޚަބަރެއް ލިބުނުހާ އަވަހަކަށް އިޔާން ދާނެ އޮފީހަށް. އޭނައަށް ކަމެއް ކުރެވެ ވަރަށް ވުރެން ވީކްކޮން މިހާރު ހާލަތު ހުރީ.. އެކަމަކު ވެސް،މިހާރުވެސް އޭނާގެ އެކުވެރިން ވަރަށް ބުރަކޮށް އެބަ މަސައްކަތްކުރޭ މިކަމުން އަރައިގަނެވޭތޯ. އަހަރެމެންނަށް ކާމިޔާބު ލިބޭނެ މާތް ﷲ ގެ އިރާދަފުޅުން” ސަދަފް ހިތްވަރު ދިނެވެ.
“އިންޝާﷲ… މަންމަ އަދި މިހުންނަނީ އެހެން ވާހަކައެއް ވެސް ދައްކަން ވެގެން. ދަރިފުޅާ، ދޮންބެ އައީމަ ބަލާބަލަ މަންހާ އެތަނުން ސަލާމަތް ކުރެވޭތޯ…” އާމިލާ ކުއްލިއަކަށް ބުނެލި ވާހަކައިން ސަދަފްގެ ނިތްކުރިއަށް ރޫގިނަވެގެން ދިޔައެވެ.
“ކީކޭ މަންމާ؟ މަންހާ ދޫކޮށްލާށޭ؟” ސަދަފަށް ހައިރާންކަމާއެކު އަހައިލެވުނެވެ.
“އާނ، މަންމަގެ ހިތެއް ގަބޫލެއް ނުކުރޭ މަންކޮ އެފަދަ ނުބައި ޖަރީމާއެއްގައި ބައިވެރިވެދާނެ ކަމަކަށް، އޭނަ އަދި ކިތަންމެ ޒާތެއްގެ ފީކަޅާ އުޅުމެއް ހުއްޓަސް… ދަރިފުޅުމެންގެ ދޮންތަގެ ލޮލުން ކަރުނަ ނުހިކޭ އޭނާ ހައްޔަރުކުރި ފަހުން. މަޔަކަށްނު މައެއްގެ ވޭން އިހުސާސްވާނީ! މާއިންގެ އުޅުން ހުންނަ ގޮތުން މަންމަ ކުރާ ހިތާމަ އެނގޭނީ މަންމައަށް. މަންހާ އެކަހަލަ ކަމެއް ނުކުރާނެ… މަންމައަށް ހަމަ ޔަގީން” އާމިލާގެ ވާހަކަތަކުން ސަދަފްގެ ހިތްހަމަނުޖެހުން އިންތިހާއަށް ދިޔައެވެ. ނަމަވެސް މަންމައާ ދެކޮޅަށް ހަރުކަށި ބަހެއް ބުނުމަކީ އޭނާގެ ތަރުބިއްޔަތު ތަންދޭ ކަމެއް ނޫނެވެ. އެހެންކަމުން ހިތަށް ވެރިވި ރުޅިވެރިކަން ކޮންޓްރޯލް ކުރަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“މަންމާ، ނޫނޭ.. މަންހާއާއި މެދު ޝައްކުތަކެއް އުފެދިގެންނޭ ހައްޔަރުކުރީ… އަނެއްކޮޅުން ހުރިހާ ފޫޓޭޖުތަކެއް މަންމައަށް ރަނގަޅަށް ފެނުނު ނަމަ ތިހެން ނުބުނާނެ-”
“ދަރިފުޅާ! މަންމަ ހުރިހާ ފުޓޭޖެއް ބައްޕައާއެކު އިނދެގެން ބަލައިފީމޭ!” އާމިލާ ސަދަފްގެ ވާހަކަ މެދުކަނޑާލިއެވެ. “އެއިން ފެންނަނީ ސުޒީއާއި މަންހާ އެކުގައި ތިބެ ސިނގިރޭޓް ބޯ މަންޒަރު އެކަނި. ދެން އިތުރު އެއްވެސް ކަމެއް ފެންނާކަށް ނެތް. އެ ދެމީހުންގެ މެދުގައި އޮތް އެކުވެރިކަމަކުން، ނުވަތަ އެތަނުގައި ތިބެ ސިނގިރޭޓެއް ބުއިމަކުން ސާބިތެއް ނުވާނެދޯ ސުޒީ ކުރި ހުރިހާ ނުބައި ކަމެއް މަންކޮ ކުރި ކަމަކަށް! ދަރިފުޅުމެން ތިން ކުދިންނަށް ވެސް އެވަރު ވިސްނޭނެ ކަމަށް މަންމަ ހީކުރީ” އާމިލާގެ ޖަވާބުން ސަދަފް އިތުރަށް އެއްޗެއް ބުނާނަށް ބޭނުމެއް ނުވިއެވެ. މުށްކަރުވާލެވުނު އަތް އާމިލާއަށް ފެނުމުގެ ކުރިން ޖީންސުގެ ޖީބަށް ކޮށްޕާލިއެވެ. ނަމަވެސް އާމިލާ ސަދަފްއަށް ގޮވާލުމުން ވާހަކަ ދައްކަން މަޖުބޫރުވިއެވެ.
“ދަރިފުޅާ އެއްޗެއް ބުނެބަލަ”
“މަންމައަށް އެނގެއެންނު މަންހާ އަކީ ޑޭ ވަން އިން ފެށިގެން އެމީއާއި ޖައްސާލާފާ ހުންނަ މީހެއްކަން… އެމީ ދެކެ އޭނާ އެ އަންނަ ރުޅި އަކީ އާދައިގެ ރުޅިއެއް ނޫން.. އެމީ ފްރޭމް ކުރަން އޭނާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.. އަދި މަންހާގެ ފަތިފުށް މަންމައަށް ނުފެންނަނީ.. އެހެންނޫނަސް މަންހާ އެފަދަ ކަމެއް ސުޒީއާއި ބައިވެރިވެ ކޮށްފާނެކަން ހުރިހާ ކިޗެން ސްޓާފުންނަށް އިއްތިފާގުން ގަބޫލް ކުރެވޭ.. އަނެއްކޮޅުން އަހަރެމެން އެންމެނާއި ފުލހުންނަށް ވެސް އެބަ ފެނޭ ޝައްކުކުރެވޭ އެތައް ކަމެއް ފޫޓޭޖުތަކުން.. އަހަންނަކަށް ނޭނގުނު މަންމަމެނަށް، އަހަރެމެން އެންމެނަށް ފެނުނު ކަންކަން ނުފެނުނީ ކީއްވެކަމެއް” ސަދަފް ބުންޏެވެ. ވާހަކަ ދެއްކީ ކިތަންމެ މަޑުންނަމަވެސް އަޑުގައި ހުރި ނުރުހުންތެރިކަން ސިއްރެއް ނުކުރެވުނެވެ. ރަނގަޅަށް ވެސް ސަދަފްގެ ބޮލުގައި ރިއްސަންފެށިއެވެ.
“ދަރިފުޅާ! ނޫނޭ… އެމީއާ ޖައްސާލައިގެން އުޅުނަސް، މީހަކު މަރާލުމާ ހަމައަށް މަންކޮއެއް ނުދާނެ! ތިކަހަލަ ތުހުމަތެއް ކުރަންވާނީ ސީދާ އެކަން ކުރަނިކޮށް ފެނުނީމައެއްނު؟ މަންމަ ވަރަށް ދެރަވެއްޖެ… އެއީ މަންމަގެ ހުރި ހަމައެކަނި އާއިލާއަކީ، ޝެޑީ…” އާމިލާ ތުންފިއްތާލިއެވެ. އޭނާގެ ދެލޮލުން އަނެއްކާވެސް ތާޒާ ކަރުނައިގެ ތިކިތައް އޮހިގަތެވެ. ސަދަފަށް އުނދަގޫވެގެން ދަތްކުނޑިވިކައިގަނެވުނެވެ.
“ސޮރީ މަންމާ… ވަރަށް ބޮޑަށް ސޮރީ. މަންމަ ތިހެން ރުއީމަ އަހަރެން ވަރަށް ދެރަވޭ. ދެން ނުރޮއެބަލަ” ސަދަފް އޯގާތެރިކަމާއެކު ބުންޏެވެ. އެ ކަރުނަތަކުން އައިސް ހުރި ހުރިހާ ނުރުހުމެއް ފިލައިގެން ދިޔައެވެ.
“ދަރިފުޅުމެން މަންމަ ރުއީމަ ދެރަވާނަމަ މިކަން ކޮށްދީ. ޝާއިރާ އެހާ މާޔޫސްވެފައި ހުންނަ ތަން ދެކޭކަށް މަންމައަކަށް ކެތެއް ނުވޭ. ބައްޕަގެ ހާލަތު ހުރި ގޮތުން ނޫންނަމަ، މަންމަ މިކަމަށް އެދޭނީ ސީދާ ބައްޕަގެ ގާތުގައި. ދަރިފުޅާ… މަންމައަށްޓަކައި މިކަން ކޮށްދީބަލަ. މަންމަ އާދޭސްކުރަން” ސަދަފްގެ އަތުގައި ހިފާލަމުން އާމިލާ ކަރުނުން ފުރިފައިވާ ދެލޮލުން ހަތަރުކަޅި ހަމަކޮށްލިއެވެ. އާމިލާގެ އެ އާދޭހުގައި ކޮޅުފައިން ޖަހާނެ ހިތްވަރެއް ސަދަފްގެ ގައިގައެއް ނެތެވެ. ނަމަވެސް، އޭނާ ދުނިޔޭގައި ހުއްޓާ މަންހާއަށް މިކަމުން ސަލާމަތްވެ، ކާމިޔާބު ލިބުމަކީ ވެސް އޭނާގެ ޒަމީރު ތަންދޭނެ ކަމެއް ނޫނެވެ. ދެކޮޅު ހަދާނެ ގޮތެއް ނޭނގި، ގޮތް ހުސްވެފައިވާ ހާލު އޭނާ ސޯފާގެ ލެނގޭ ބަޔަށް ހަށިގަނޑު ދޫކޮށްލިއެވެ. ބަހެއް ނުބުނެވި އިންދާ، އާމިލާގެ އަތުގެ ފިރުމުން އިހުސާސްވުމުން، ހިތަށް ވީ އުނދަގުލުން ސަދަފަށް ތުންފަތުގައި ކުރިއަށްވުރެ ބާރަށް ދައިގަނެވުނެވެ.
“މައްސަލައެއް ނެތް… ތިކަމާ ވަރަށް ވިސްނާނަން،” ސަދަފް އެންމެ ފަހުން ބުނެލިއެވެ.
އެ ބަސްތަކާއެކު، ކަރުނައިގެ ތެރެއިން ވެސް އާމިލާ ހިނިތުންވެލި ގޮތުން، އޭނާއަށް ލިބުނު ހިތްހަމަޖެހުން ހާމަވިއެވެ. އާމިލާގެ މައުސޫމް މޫނަށް ބަލައިލުމުން ސަދަފަށް ހިންދިރުވާލެވުނީ ހިތުގައި އުފެދުނު ބޮޑު ކެކުޅުމެއްގެ ސަބަބުންނެވެ. ޝާއިރާގެ ނުބައިކަމާއި ވިހަ ތަބީއަތް ނޭނގި، އެ އާއިލާއަށްޓަކައި އާމިލާ ވަމުންދާ ގުރުބާނީ ފެނި އޭނާ ދެރަވިއެވެ. އާމިލާގެ ހިތުގައިވާ ހެޔޮލަފާކަމުގެ ކުޑަ މިންވަރެއް ނަމަވެސް ޝާއިރާއަށް ލިބުނު ނަމައެވެ. އެހެންވިނަމަ، މިއަދު މި ކުރިމަތިވި ހިތްދަތި، ބިރުވެރި ހާދިސާތަކަކާ އެ އާއިލާއަށް ކުރިމަތިލާކަށް ނުޖެހުނީހެވެ.
****
މީރާން ކޮޓަރިން ނުކުތީ އިރަމް ހޭލައިގެން ނުކުންނާނެ އިރުކޮށްފައެވެ. ރޭގައި އޭނާއަށް ގެއަށް އާދެވުނުއިރު ހުރީ މެންދަމުން އެކެއް ޖަހާ ބޮޑުވެފައެވެ. އެހާ ލަސްވެފައި ހުރުމުން، އިރަމްއާ ބައްދަލުވާ ގޮތެއް ނުވިއެވެ. އިރަމްއޮތީ ނިދާފައެވެ.
އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު ހަތެއް ޖަހައިފިއެވެ. ޓީޝާޓު ގަޔަށް މަހަމުން ބަދިގެއާ ހަމައަށް އާދެވުނުއިރު، ރީއާގެ ޅަ އަޑު އިވެމުން ދިޔައެވެ.
”ޔަމް ޔަމް، މީރު” ކާ މޭޒުކައިރީގައި ހުރި އުސްގޮނޑީގައި ރީއާ އިނެވެ. މުޅި މޫނުމަތީގައި ހުރީ ޔޯގަޓުގެ އަސަރެވެ. ނީޝަން ދިޔައީ ރީއާއަށް ތަށިން ކާންދެމުންނެވެ. ކުސްނުތަޅާ ކަމުން ދިޔަ ގޮތުން ރީއާ ގަޔާވާ އެއްޗެއްކަން ދޭހަވެއެވެ.
“އާއީ ދޫނިކޮޅު، ހާދަ މީރު ކޮން ތިކަނީ، ދޭނަން ތަ؟” ޅައަޑަކުން މީރާން ވާހަކަ ދެއްކިއެވެ. ވަގުތުން ރީއާ ނޫނެކޭ ބުނެލިއެވެ. މީރާން ތުންދަމާލުމުން ޖަހައިލީ ހިނިގަނޑެކެވެ.
“ޕިސް ޕިސް، ނީޝްއަކަށް ނޭނގޭނެ ކަމެއް ކުރާކަށް! އެ ކުއްޖާ އެހާ ރީތިކޮށް ކާއިރު ވެސް މުޅި މޫނުމަތީގައި ތި ހާކައި ނިންމާލީ” ނީޝަން ކާންދެމުން ދިޔަ ގޮތް ފެނިފައި މީރާންއަށް އެއްޗެއް ނުބުނެއެއް ނީނދެވުނެވެ. ވަގުތުން ނީޝަން މީރާންއާ ދިމާއަށް ލޯއަޅައިލިއެވެ.
“ދެން މޮޅު މީހާ އާދެބަލަ ދޯ” ތުންއޫކޮށްލަމުން އަނެއްކާވެސް ފެށީ ކާންދޭށެވެ. މީރާން ހިނިގަނޑެއް ޖަހާލަމުން ރީއާ ނަގާ އުނގައް ލަމުން ގޮނޑީގައި އިށީނެވެ.
“ކޮބާ ކުޑޫ؟” އިރަމްގެ ހިލަމެއް ގޭތެރެއިން ނުވާތީ އަހާލިއެވެ. އެ ސުވާލާއެކު ނީޝަންގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ސަމާސާ މިޒާޖު ކެނޑި، މޫނުމައްޗަށް ވެރިވީ ސީރިއަސްކަމެވެ. ބަދިގޭގެ ދޮރާ ދިމާއަށް ބަލައިލުމަށްފަހު، މީރާންގެ މޫނަށް ބަލާލިއެވެ.
“ހީވަނީ ކޮންމެވެސް ކަމެއް ހިނގާ ހެން.. ރޭގަ ކުޑަބެ މެސެޖުކުރީމަ، ނީޝް އޮތިން ކުޑޫ ހަދާ އެއްޗެއް ބަލަން ނިދާފަ ކަމަށް ހެދިގެން.. ފޯނަށް ކޮންމެވެސް މީހަކު މެސެޖުކުރި އަޑަށް އޭނާ ފުރަތަމަ ވެސް ތެޅިގެންފަ ތެދުވީ.. ދެން ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިނދެ އެތައް އިރަކު ރުއި. ނީޝްއަށް އުނދަގޫވެގެން އެނދުގައި ފުރޮޅިލެވުނު އަޑަށް ކުޑޫ އަވަސްއަވަހަށް ކަރުނަ ފުހެލާފައި އޮށޯވަތީ. އެކަމަކު އަޑުބޭރުނުކޮށް ގިސްލަމުން އެހެން އޮވެ ވެސް ވަރަށް ރުއި… ހެނދުނު ހޭލިއިރު ވެސް ދެލޯ ހުރީ ދުޅަވެ ރަތްވެފައި. ރީއްކޮ ގޮވައިގެން އުޅެން ފެށިފަހުން ތަންކޮޅެއް ހަމައަކަށް އެޅުނީ. މިހާރު އެ ދިޔައީ ފާހާނާއަށޭ ކިޔާފަ” ނީޝަން ކިޔައިދިނެވެ. އޭނާ ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ.
މީރާންއަށް ގޮނޑީގެ ލެނގޭ ބަޔަށް ހަށިގަނޑު ދޫކޮށްލެވުނެވެ. އޭނާގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުތައް ދަތުރުކުރަން ފެށިއެވެ. ނީޝަންގެ މޫނަށް ބަލާލެވުނެވެ. ނީޝަން އިނދެ އިނދެފައި ދައްކާލީ ދޮރުން ވަދެގެން އައި އިރަމްއެވެ. އިރަމްގެ ތެމިފައިވާ އެސްފިޔަތަކާއި މިލައިފައިވާ މޫނު ފެނުމުން، އޭނާ ރޮއެފައި ހުރިކަން އެ ދެމީހުންނަށް ކަށަވަރުވިއެވެ. އިރަމްގެ މިޒާޖަށް ވެރިވެފައި ވަނީ އާދަޔާޚިލާފު ހިމޭންކަމެކެވެ. މީރާން ފޯނު ބަލައިލީ މެސެޖެއް އައި އަޑު އަހާފައެވެ. އައިސް އިނީ ސަދަފްގެ މެސެޖެކެވެ. މެސެޖު ކިޔާލެވުނު ހިނދު މީރާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ޝީ ސެއިޑް، އިޓްސް އޯވަރ ބިޓްވީން އަސް”
ސްކްރީނުގައިވާ އެ ޖުމްލަ ކިޔައިލުމާއެކު، އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން މީރާންގެ ދަތްކުނޑިވިކައިގަނެވުނެވެ. އޭނާގެ ހިތުގައި އޮތް ކަންބޮޑުވުން އެކުގައި ބަދަލުވީ ދިލަ ރުޅިވެރިކަމަކަށެވެ. އެވަގުތު ރީއާއަށް ކާންދީ ނިންމައިގެން ނީޝަން ތެދުވިއެވެ. ރީއާގެ މޫނު ދޮއްވާލައިގެން އައިސް ގޮނޑީގައި އިށީންނަން އުޅުނު ނީޝަންއަށް މީރާން ބަލައިލީ، އިރަމްއަށް ރޭކާނުލާނެހެން މަޑުމަޑުން ކޮޓަރިއަށް ދިއުމަށް އިޝާރާތްކުރަމުންނެވެ. ނީޝަން ވެސް އިތުރު އެއްޗެއް ނުބުނެ ކޮޓަރިއަށް ދިޔައެވެ. ސަދަފްއަށް މެސެޖެއް ކޮށްލުމަށް ފަހު އިށީންދެ އިން ގޮނޑީން މީރާން ތެދުވިއެވެ.
“ވަޓް ދަ ހެލް އިޒް ގޮއިން އޮން ވިތް ޔޫ؟ ހާނ؟ ކޮން ކުޅިވަރެއް ޖައްސައިގެން ތިއުޅެނީ؟” މީރާންގެ ހަރުކަށި އަޑުން މުޅި ކާކޮޓަރި ގުގުމައިގެން ދިޔައެވެ.
“ވަ… ވަޓް؟” މީރާންގެ ރުޅިން ރަތްވެފައިވާ މޫނަށް ބަލަހައްޓައިގެން ހުރެ އިރަމް އަހައިލިއެވެ. އޭނާގެ އަޑު ތުރުތުރުލަމުން ދިޔައިރު، މުށުތެރޭގައި އޮތް ފޯނަށް ބާރުކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ.
“މީހުންނާ ލޯބީގެ ގޮތުން ގުޅެނީ ދެރަދީ ހިތް ހަލާކުކޮށްލާކަށް ނޫން! ހިތަށް އެއްޗެއް އަރާތަ ތިހެން އުޅޭއިރު؟” މީރާންގެ ފުރަތަމަ ދެ ޖުމްލައާއެކު އިރަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިސާހިތަކު އެ ދެލޮލުން ފައިބައިގަތީ ހޫނު ކަރުނައިގެ ސައިލާބެކެވެ. މީރާން އެ ދައްކަނީ ސަދަފްގެ ވާހަކަކަން އޭނާއަށް ވަގުތުން ޔަގީންވިއެވެ. ނަމަވެސް އެ ސިއްރު މީރާންއާ ހަމައަށް ފޯރީ ކިހިނެއްބާއޭ ހިތަށް އަރަމުން ދިޔައެވެ.
“ރޯނެ ކަމެއް ނެތް! ކުޑޫ އެކަންޏެއް ނޫނޭ ދެރަވާނީ. އެއީ ވެސް ހަމަ އިހުސާސްތަކެއް ހުރި އިންސާނެއް!” މީރާންގެ އަޑު އިހުނަށްވުރެ ބާރުވިއެވެ. “މަހެއް ވަންދެން އޭނާއަށް އެ ހާލުގައި ޖެއްސިއިރު ވެސް، އެއްވެސް ޝަކުވާއެއް ނެތި ފަހަތުން އުޅުނުކަމަށްޓަކައި އުފާކުރަންވީނު؟ ކުޑޫ ތީ އެއްވެސް އެއްޗެއް ނުވިސްނޭ ވަރުގެ ޅަކުއްޖެއްތަ؟ އޭނާ ކިތައް ފަހަރު ގުޅައިފި؟ ކިތައް މެސެޖު ކޮށްފި؟ ޖަވާބެއް ދިނިންތަ؟ މިގެއަށް އައީމަ ވެސް ދިމާކޮށްލަން ނުނިކުމެ ފިލައިގެން އިނީ. ކީކޭ ހިތަށް އަރައިގެން ތިހެން ތިއުޅެނީ؟” އިރަމް، މީރާންގެ އަތުގައި ހިފަހައްޓައިގެން ހުރެ، ރޮމުން ދެފަރާތަށް ބޯހޫރަމުން ދިޔައެވެ. މެދުކެނޑުމެއްނެތި ފައިބަމުންދިޔަ ކަރުނަތަކުން މީރާންގެ ހިތައް އުނދަގޫވީ ނަމަވެސް މީރާން ހުރީ ވަރުގަދަ އަޒުމެއްގައެވެ. އިރަމްއަށް އެވާގޮތެއް ބަލާފައި ނޫނީ މިއަދު އޭނާ ނުހުއްޓާނެއެވެ.
“ދެ އާއިލާ އެވަރަށް ގުޅިފަ އޮތްވާ، ނުވިތާކަށް ދޮންބެ އާއި އޭނަގެ ގުޅުން ގޯސްވެ އޮވެފަ ގުޅުން ރަނގަޅުވެގެން ދިޔައީމަ ކުޑޫ ތި ހުރިޙާ ސަކަރާތެއް ތި ޖަހަނީ.. އެންމެ ފަހުން މިއަދު އިޓްސް އޯވަރ ބިޓްވީން އަސް އޯ! ކީއްތަ ވެފަ ތިހުންނަނީ، ތިއީ އަމިއްލަ އެދުން ބޮޑަސް ފުކެއް ބޮޑުވަރު!” މީރާން ހަޅޭއްލަވައިގަތެވެ. އެ ހަރުކަށި ބަސްތަކުން، ޒަޚަމްވެފައިވާ އިރަމްގެ ހިތަށް ހީވީ އަލިފާންކަނިތަކެއް އެޅުނު ހެންނެވެ. މީރާންގެ ކައިރީގައި ސަދަފް ބުނީކަން އެނގުމުން އިތުރަށް އެތަނުގައި ހުންނަން ކުޅަދާނަ ނުވެގެން، އިރަމް ކޮޓަރިއާ ދިމާއަށް ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް އޭނާއަށް ކުރިއަށް އެޅުނީ ދެތިން ފިޔަވަޅެކެވެ.
“މިކަން މިއަދު ކޮޅެއްގައި ނުޖައްސާ ދެވޭނެ ކަމައް ހީނުކުރާތި! ކަމެއް ވިޔަސް ބުނީމަ އެހީވެސް ވެވޭނީ!” އިރަމްގެ އަތުގައި މީރާން ހިފެހެއްޓިއެވެ. އޭނާގެ ބާރުގެ ދަށުގައި އިރަމްއަކަށް މާ ބޮޑުކަމެއް ނުކުރެވުނެވެ. އެއްއަތުން އިރަމް ހިފަހައްޓައިގެން ހުރެ، އަނެއް އަތުން އޭނާގެ މުށުތެރެއިން ފޯނު ދަމައިގަތެވެ. އިރަމް ދެލޯ ބޮޑުކޮށްލިއެވެ. ގަދަ ހަދަން އުޅުނެވެ.
“މީރާން! ނުވާނެ އަތްލައިގެންނެއް! ދޫކުރޭ، ހަމަ މިހާރު ދޫކޮށްލާ!” އިރަމް ރޮމުން ހަލޭއްލަވައިގަތެވެ. ނަމަވެސް މީރާން އަޑެއް ނޭހިއެވެ. އިރަމްގެ ގައިގާ ހިފަހައްޓާއިގެން ހުރި އަތުން ނޫން އަނެއް އަތުން ފޯނު ހުޅުވާލިއެވެ. އޭގެ ކޯޑު އެނގޭތީ ތަކުލީފެއް ނުޖެހުނެވެ.
“މީރާން! ސްޓޮޕް އިޓް! ދޫކޮށްލާށޭ! ނުޖެހޭނެ އަހަރެންގެ ފޯނުގަ އަތްލާކަށް! ދާން އުޅޭ، ހަމަ މިހާރު އަތުން ދޫކޮށްލާ!” އިރަމް އާދޭސް ކުރަމުން ދިޔަ އަޑާއި ހަޅޭއްލަވަމުން ދިޔަ އަޑު ތަކަށް ބީރުކަންފަތެއް ދެމުން މީރާން މެސެޖު ބަޔަށް ލިއެވެ. ނަމަވެސް އެއްކޮޅުން އަނެއްކޮޅަށް ބެލުނު އިރުވެސް ޝައްކު ކުރެވޭ ޒާތުގެ ކަމެއް ނުފެނުނެވެ.
ދެން މެސެންޖާރއަށް ފަހު ވައިބާ ހުޅުވާލައި، އެންމެ މަތީގައި އިން ނުދަންނަ ނަންބަރަކުން އައިސްފައިވާ ޗެޓަށް ވަދެލިއެވެ.
އެހިނދު، ސްކްރީނުން ފެނުނު މަންޒަރުން މީރާންގެ މުޅި ހަށިގަނޑު ގަނޑުވެގެން ދިޔައެވެ. ލިބުނު ޝޮކުގައި އޭނާގެ ދެލޯ ބޮޑުވެ، ނޭވާ ކަރުތެރޭގައި ތާށިވިއެވެ. ޔަގީންނުވެފައި ހުރެ، ތުރުތުރުލަމުން ދިޔަ އިނގިލިން ސްކްރީނުގައިވާ ފޮޓޯތަކާއި ބިރުދައްކާފައިވާ މެސެޖުތައް މައްޗަށް ޖައްސަމުން ދިޔައެވެ. އިރަމްގެ އަތުން މީރާންގެ އަތް މަޑުމަޑުން ދޫވެގެން ދިޔައެވެ.
އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު މީރާން އިސްއުފުލާލަމުން، ކުށްވެރިއެއް ފަދައިން އިސްޖަހައިގެން ހުރި އިރަމްގެ މޫނަށް ބަލައިލިއެވެ. ހުރިހާ ސިއްރެއް ފަޅާއަރައިފިކަން އެނގުމުން، އިރަމް އިތުރަށް ގަދަހަދާކަށް ނޫޅުނެވެ. ވަރުދޫވެފައިވާ ހަށިގަނޑާއެކު ކައިރީގައި ހުރި ގޮނޑީގެ ތެރެއަށް ވެއްޓިގަތެވެ. ދެއަތުން މޫނު ފޮރުވާލަމުން ގިސްލައި ރޯން ފެށިއިރު، މުޅި ކާކޮޓަރީގެ ތެރެއަށް ފެތުރިގެން ދިޔައީ ހިތް ފަޅައިގެންދާ ފަދަ ވޭނީ އަޑެކެވެ،
****
(ނުނިމޭ)

8 ހިޔާލު

  1. Mae
    01:00 ⁧⁦31/8/2026⁩⁩

    Meeran ehedhy hama heyokon
    Poor sheddy
    Efakeerah eheney hadhany irum abadhuves
    😭
    V reethi mi part ves🥰🥰🥰

  2. Anonymous
    01:03 ⁧⁦31/8/2026⁩⁩

    Amila ah ves keehtha vefa mihunnany😡😡 shaaira ge goi neygunu meena 🤦‍♀️ aharenge kehtherikan 😤😤i hate this witch shaaira😩😩

  3. 😤
    01:20 ⁧⁦31/8/2026⁩⁩

    Myran🥹

  4. Vyy
    05:25 ⁧⁦31/8/2026⁩⁩

    Meeraan. 🥹🥹❤️❤️❤️

  5. Shaw
    07:01 ⁧⁦31/8/2026⁩⁩

    Wowww
    Mihaaru midhany hama beynun vaa gothah😍🤍
    Saabahey meeran
    Heyokon thihedhy🤭

  6. Anonymous
    09:18 ⁧⁦31/8/2026⁩⁩

    Alhe dhen varah dhera vehjain mivaa gothun 😭😭

  7. Mariyam
    09:18 ⁧⁦31/8/2026⁩⁩

    Alhe dhen varah dhera vehjain mivaa gothun 😭😭

  8. Kiwi
    16:08 ⁧⁦31/8/2026⁩⁩

    Damn meeraan i love him😍 also my poor sheddy. I feel so so bad for him. And also i feel like maain ah heyo visneyneyey adhi. Emy akww maain ge kokko kan engihjeyya i think he would turn out good. I hope so

ކިޔުންތެރިންގެ ހިޔާލު