ހިރާސް 2 (28) – Vaahaka by Ann
ހިރާސް (ސީޒަން 2)

ހިރާސް 2 (28)

ކުއްލިއަކަށް އެންމެންނަށް ސިހުމެއް ލިބުނީ ހޮސްޕިޓަލުގެ ތެރެއަށް ވަދެގެންއައި ލިއަމް ފެނިގެންނެވެ. ލިއަމްގެ އަތްދަނޑި މަތީގައި ހަރަކާތެއް ނެތި އޮތް އިޒާން އެންމެ ފުރަތަމަ ވެސް ފެނުނީ ޒީވާއަށެވެ. މުޅި މީހާ ގަނޑުވެގެން ދިޔައިރު ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. އަމިއްލަ ހާލަތު ހިނދުކޮޅަކަށް ނަމަވެސް އިޒްވާއަށް ވެސް ހަނދާނެ ނެތުނެވެ. ލިއަމްގެ ފަހަތުން އާދެވުނީ ދުވެލާފައެވެ. ދެމައިންގެ ފިޔަވަޅުތައް މަޑުކޮށްލަން މަޖުބޫރުވީ އިޒާން ގޮވައިގެން ލިއަމް ނުހުއްޓި އަވަސް ފަރުވާދޭ ބަޔަށް ވަނުމުންނެވެ. ޒީވާ ވެސް ދިމާކޮށްލީ އެތެރެއަށް ވަނުމަށެވެ. އެހެނަސް ޔޫމީން ހިފެހެއްޓިއެވެ.
****
ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުރި ޒީވާއަށް، މަޑުމަޑުން އަނގަމަތީގައި އަތްއަޅައިލެވުނެވެ. ކުރިމަތިން އެ ފެނިލީ ހަމަ ހަގީގަތުގައިވެސް އިޒާން ހެއްޔެވެ. އޭނާގެ މުޅި ނަފްސު ވަނީ ހައިރާންކަމެއްގެ ތެރޭގައެވެ. ހުރެވުނީ ގަބޫލު ދަތިވެފައެވެ. ދެލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނަތަކުގެ އިހުސާސް ޒީވާއަށް ނުކުރެވޭހާ ބޮޑަށް އޭނާ ހުރީ ހުއްޓުން އަރާއެވެ. ޒީވާގެ އެ ހިމޭންކަން މުގުރާލީ، ކުއްލިއަކަށް ރޮއިގަންނަމުން އައިސް އޭނާގެ ގައިގައި އިޒްވާ ބައްދާލުމުންނެވެ.
” މަންމާ، ބައްޕަ.. ބައްޕަ”އިޒްވާގެ އަޑަށް ޒީވާއަށް ވެސް އެސިހުމުން ބޭރުވެވިއްޖެއެވެ. އިޒްވާގެ ގައިގާ ބައްދާލެވުނު ހިނދު އާ ކަރުނުން އަނެއްކާ ވެސް ދެލޯ ބަރާވެއްޖެއެވެ. އެތެރެއަށް ވަތްގޮތައް ލިއަމް ނުނިކުމަތެވެ. އަލާނިއަލް އާއި ޔަޒަކްގެ އިތުރުން އީތަންއާއި ޒައްޔާންއާއި ހޫރައިންގެ އާއިލާގެ ގިނަ ބަޔަކު އައިސް ވަންނަމުން ދިޔައެވެ. ހޫރައިންގެ އާއިލާގެ މީހުން މަޑުކޮށްލީ ރުއާނާ ވެއްދި ކޮޓަރީގެ ދޮރުމަތީގައެވެ. ޒީވާގެ ހާލަތު ހުރި ގޮތުން ، ޔަޒަކް، އޭނާ ކޮނޑުގައި ހިފާ ގަޔާއި ގާތްކޮށްލިއެވެ.
އީތަން ފެނުމާއެކު، އިޒްވާގެ ހިތުގައި އީތަންއާ މެދު އުފެދިފައިވާ ޝަކުވާތައް ކަރުނައިގެ ތެރެއިން ބޭރުވާން އުޅުނެވެ. ޝިއާގެ ފަރާތުން އެނގުނު ހަގީގަތްތަކަށްފަހު، އޭނާ ހުރީ އީތަންއާ ދިމާލަށް ހިތްފުރޭވަރަށް އެޝަކުވާ ބަންޑުންކޮށްލަން ބޭނުންވެފައެވެ. ނަމަވެސް، ބައްޕަގެ ޚަބަރު އިވުމުން އެހެން ހުރިހާ އިހުސާސެއް ކަފާލައި، ހިތުގެ މުޅި މިސްރާބު ބައްޕައަށް ހުސްކޮށްލަން އޭނާއަށް މަޖުބޫރުވިއެވެ.
“އިންޝާﷲ، ބައްޕަގެ ހާލަތު ވަރަށް އަވަހަށް ރަނގަޅުވާނެ” އީތަން ނުހަނު އޯގާތެރިކަމާއެކު އިޒްވާގެ އަތަށް ފިތާލަމުން ބުންޏެވެ. އަދި އޭނާގެ މިނިވަންކަމާއެކު އޮތް އަނެއް އަތުން އިޒްވާގެ ހިމަ އުނގަނޑުގައި ވަށާލައި، ގަޔާ ގާތްކޮށްލުމަށްފަހު، އެ ކޯތާފަތަށް ލޯތްބާއެކު ބޮސްދިނީ އޭނާގެ ހިތަށް ތަސައްލީއެއް ދިނުމުގެ ގޮތުންނެވެ.
“އެތާގަ ކިހިނެތް ވީ؟ ކިހިނެތް ބައްޕަ-” އިޒްވާގެ ސުވާލު ނުނިމެނީސް އީތަން ހުއްޓުވިއެވެ. އޭނާ ދައްކާލީ ދޮރުން ނުކުމެގެން އައި ލިއަމްއެވެ. އިޒްވާ އިންތަނުން ތެދުވެ ލިއަމްއާއި ދިމާލަށް ދިޔައެވެ.
“ބައްޕަ ކިހިނެތް؟” ލެއާއި ކިލައިން ހަރާބުވެފައިވާ ލިއަމްގެ އަންނައުނަށް ބަލައިލަމުން އިޒްވާ އެއްސެވެ.
“ބައްޕަ ރަނގަޅު އަލްހަމްދުލިއްލާހް.. މިޙާރު ސްޓޭބަލް.. އާދޭ” ޒީވާއާއި އިޒްވާއަށް ނަޒަރެއް ދެމުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމަށް ލިއަމް ބުންޏެވެ.
ތިންމީހުންނަށް ވަދެވުނު އިރު އިޒާންގެ ގާތުގައި މަޑުކޮށްލައިގެން ހުރީ ކީވާންއެވެ. އައިވީ ކެނިއުލާ ރަނގަޅުކޮށްލަން ހުރެފައި އެމީހުން ވަތް އަޑަށް ކީވާން ބަލައިލިއެވެ. ލުއި ހިނިތުންވުމެއް ރައްދުކޮށްލާފައި އެތަނުން ނުކުމެގެން ދިޔައީ އެއާއިލާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
ހުޅުވިފައި އޮތް އިޒާންގެ ދެލޮލުގައި ވީ ތެތްކަން ޒީވާގެ ބަޑި ފަޅައިގެންދިޔައެވެ. ލޯބިވާ ފިރިމީހާ އޮތް ނިކަމެތި ހާލު ދެކި ހިތް ހީވީ ފިތެމުން ދިޔަހެންނެވެ. އިޒާންގެ މޫނުމަތީގައި ދެފަރާތުން އަތް އަޅައިގެން އިނދެ ޒީވާ ރޮމުން ދިޔަ ގޮތުން ދޭނެ ހިތްވަރެއް ނޭނގިފައި އިޒްވާއާއި ލިއަމްއަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. އެލޯތަކުގައިވެސް ވަނީ ކަރުނައެވެ. މިއަދު އެފެނިގެން ދަނީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އެއީ އެތައް އަހަރެއް ވަންދެން ކުރަމުން އައި ހިތާމައަށް ނިމުން އައި ހިނދު، ލިބުނު އުފާވެރިކަމުން އެ ލޯތައް ތެއްމާލި ކަރުނައެވެ. އެތައް ދުވަހެއް ވަންދެން އެކުޑަ އާއިލާގެ ހުރިހާ މެމްބަރުންނެއް އެއްތަން ވެވުނު އިރު އެކަކު އަނެއްކަކާއި ވާހަކަ ދެއްކޭ ވަރަށް ވުރެން ބޮޑަށް ވަނީ ޖަޒުބާތީވެފައެވެ. އިޒާންއާއި ޒީވާއަށް ވަގުތު ދިނުމުގެ ގޮތުން އިޒްވާއާއި ލިއަމް ނުކުމެލިއެވެ.
އިޒާންގެ ހާލަތު އޭރުވަނީ ނުހަނު ބޮޑަށް ރަނގަޅުވާން ފަށާފައެވެ. އޭނާގެ ގަޔަށް ޖެހި އިންޖެކްޝަން ތަކުގެ އަސަރު ވަނީ ކުރަން ފަށާފައެވެ. ޒީވާގެ އެހީގައި އެނދުގައި އިށީންދެލާނެ ހަކަތަ ލިބުނެވެ. މޫނުމަތީގައި އިހު ހުރި ވަރުބަލިކަމުގެ މައްޗަށް ކޮންމެވެސްވަރެއްގެ ތާޒާކަމެއް ވެސްހުރީ އައިހެވެ. އިޒާންގެ ހިނދުމަތުގައި ޒީވާ ވަރުބަލިކަމެއް ނެތި އުޅެމުން ދިޔައެވެ.
އެނދުގައި އިށީންދެލަން ޒީވާ އުޅުމުން،،އެ އަތުގައި ހިފައި ގެނެސް އިޒާންގެ މަގަތުގައި ބައިންދާލިއެވެ. އަދި ހުސްކޮން އޮތް އަތުން ޒީވާގެ ގައިގާނުހަނު ބާރަށް ބައްދާލިއެވެ. ކިތަންމެ ދުވަސްވެފައިވީ ނަމަވެސް އަދި އެތައް އަހަރެއް ވަންދެން ދުރުގައި ތިބެން ޖެހުނު ނަމަވެސް އެދެމެދުގައި އޮތް ލޯތްބަށް ކުޑަވެސް ފަނޑު ކަމެއް ނާންނަކަން އެކުޑަ އަދާއިން އެކަނި ވެސް ދޭހަވެއެވެ. އިޒާންގެ މޭގައި މޫނު ފޮރުވާލައިގެން ޒީވާ އެތައް އިރަކު އިނެވެ. ޒީވާގެ ބޮލުގައި ފިރުމާލަ ދެމުން ދިޔައިރު ދޭތެރެއަކުން ނިތުގައި ނުހަނު ލޯބިން އިޒާން ބޮސްދިނެވެ. ހިތައް ހަމެޖެހުމެއް އިހްސާސް ކުރެވިގެން ދުރުވި އިރު ދޮން މޫނަށް ވަނި ރުއިމުގެ ސަބަބުން ޖަންބުކުލަ ވެރިވެފައެވެ.
“ހާދަ ދެރަވިއޭ އެދުވަހު.. އަހަރެމެންގެ ކުޑަ އާއިލާ އުޅުނީ ހާދަ އުފަލެއްގައޭ.. އެކަމަކު އެހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގަ.. ދެމީހުން އެއްތާކު ހައްޔަރު ވި އިރުވެސް އެކަކު އަނެއްކަކަށް ނުފެނި މިއުޅެން ޖެހުނީ.. ބަލާ އެތިބަ ލޯބި ލޯބި ދެކުދިން ބޮޑުވެ، އަހަރެމެންނަށް މާމަ ކާފަކިޔަނީ” ޒީވާ ވާހަކަ ދެއްކިއެވެ.
“މާމަ ކާފައޭ؟” ޒީވާގެ ހުރިހާ ވާހަކަތަކުން ވެސް އިޒާންއަށް ފާހަގަ ވި ޖުމްލައާއި ބެހޭގޮތުން ސުވާލުކުރިއެވެ. ޒީވާގެ ހިނިތުން ފުޅާކޮށްލަމުން ބޯޖަހައިލިއެވެ.
“އާން ޒާން، އަހަރެމެން އިޒީ، ޝީ އިޒް ޕްރެގްނަންޓް.. އީތަން ދެކުނީމެންނު.. ދެކުދިން ކައިވެނި ކުރެވުނު ދުވަހު، ބިލާލް އަހަރެން ގެނައީ” ޒީވާ ކިޔައިދިނެވެ. އިޒްވާގެ ވާހަކަ ބުނުމުން އިޒާންގެ ދެލޮލުން އަނެއްކާ ވެސް އުފާވެރިކަމުގެ ކަރުނަތައް ފައިބައިގަތެވެ. ލިބުނު އުފާވެރި ހަބަރުން ހެއްދެވި ފަރާތައް އެތައް ފަހަރަކު ޝުކުރު ދެންނެވުނެވެ. އިޒާން އަހައިލީ އޭގެ ފަހުން ވެގެން ދިޔަ ގޮތާއި މެދުގައެވެ. ޒީވާ ފެށީ އެ ކައިވެނީގެ ހަފްލާއިންނެވެ. އަދި އޭނާ އައި ހިސާބުން ދެން ވެގެން ދިޔަ ގޮތެވެ. އަދި ޒައްޔާންއާއި އާއިލާގެ ފަރާތުން އިވުނު ގޮތައް، އޭނާ އައުމުގެ ކުރިން ހިނގި ހުރިހާ ކަމެއް ވެސް މެއެވެ. ރުއާނާ ގެ ވާހަކައާއި ލިއަމް އުޅުނުގޮތެވެ. އަދި އޭގެފަހުން ހިނގާދިޔަ ހާދިސާއާއި އިޒާން ހޯދުމަށް ލިއަމް ދިޔަ ގޮތުގެ ވާހަކައެވެ. އެހުރިޙާ ވާހަކައެއް އެހުމަށް އިޒާން ޝައުގުވެރިކަމާއި އެކު އިނެވެ. ދެމީހުން އެތައް އިރަކު ވާހަކަ ދެއްކުމަށްފަހު މެދުކަނޑާލީ އަނެއްކާ ވެސް އިޒްވާ ވަނުމުންނެވެ.
މިފަހަރު ލިއަމްގެ ބަދަލުގައި ހުރީ އީތަންއެވެ. އިސްތަށިގަނޑުގައި ހުރި ލުއި ތެތްކަމުން ދާދި ދެންމެ އަކު ފެންވަރާ ތާޒާވެލައިގެން ހުރި ކަން ޔަގީންވެއެވެ. އިހު ހުރި އަންނައުނު ގެ ބަދަލުގައި އީތަން ހުރީ އައު ޓީޝާޓަކާއި ޖީންސެއްގައެވެ. އިޒްވާގެ ކޮނޑުގައި އަތް އަޅުވާލައިގެން ގަޔާއި ގާތްކޮށްލައިގެން އީތަން ހުރިއިރު ދެޒުވާނުން ގުޅޭވަރުން ޒީވާއާއި އިޒާންއަށް ބަލަހައްޓައިގެން ތިބެވުނީ ރީތި ހިނިތުންވުމަކާއި އެކުއެވެ.
އިޒްވާ އިށީނުމަށް އީތަން ގޮނޑި ކައިރި ކޮށްލަ ދިން ނަމަވެސް އިޒްވާ ގޮސް މަޑުކޮށްލީ އިޒާންގެ ގާތުގައެވެ. އިޒާން ދެއަތް ފުޅާކޮށްލަމުން ބޯ ޖަހައިލީ އަންނާށޭ ބުނާފަދައަކުންނެވެ. ކުޑަ ކުއްޖަކު ފަދައިން އިޒާންގެ މޭގެތެރޭގައި އިޒްވާ ބޮނޑިވެލިއެވެ. އެހުރިހާ އިރުވަންދެން ދެލޮލުގައި ހައްޔަރުކޮށްފައިވާ ކަރުނަތައް މިނިވަން ކޮށްލިއެވެ. އިޒްވާގެ ކަރުނުން އިޒާންގެ ކޮނޑު ތެއްމަމުން ދިޔައެވެ.
“ބައްޕަގެ ކުޑަ ކުޑަ އިޒީ.. އައި މިސް ޔޫ ދޫނި” އިޒްވާގެ ބޮލުގައި އިޒާން ދިޔައީ ފިރުމަމުންނެވެ. އިރުކޮޅަކު ރޯން ހުރެފައި ދުރުވެލުމުން، އިޒްވާ ނިތުގައި ނުހަނު ލޯބިން އިޒާން ބޮސްދިނެވެ.
“އައި މިސް ޔޫ މޯރ.. ހީކުރީ ބައްޕައާއި މަންމަ މުޅި އުމުރަށް ވެސް ގެއްލުނީ ކަމަށް.. އުއްމީދު ކެނޑިފަ ހުރީ.. އެކަމަކު މަންމަ ފެނުނު ދުވަހު ކޮންމެ ވެސް ވަރެއްގެ އުއްމީދެއް އާލާވި.. އެވަގުތުން ފެށިގެން ވެސް ހިތް ބުނަން ފެށި ބައްޕަ ފެންނާނެއޭ..ދެން ނުދައްޗޭ ބައްޕާ.. ހާދަ ދުވަހަކު އެ ކަމާއި ވިސްނާ ރޮއެފީމޭ.. ކިތަންމެ ކުޑަޔަސް ކިތަންމެ ބޮޑަސް ބައްޕައާއި މަންމަގެ ލޯބި ބޭނުން.” އިޒްވާގެ ދެލޯ އިޒާން ފުހެދެމުން ދިޔަ ހިނދު އިޒްވާ ވާހަކަ ދެއްކިއެވެ.
“އިންޝާﷲ ބައްޕަ ނުދާނަން.. ނިއަލްގެ ފުށުން ވެސް ސަލާމަތްވީއެއްނު.. އަލްހަމްދުލިއްލާހް.. ދަރިފުޅާ ރަނގަޅުތަ؟” އިޒްވާއާއި ވާހަކަ ދައްކަމުން އިޒާން ދެން އަހައިލީ އީތަން ކުރެންނެވެ. އީތަން ވެސް ރީތި ހިނިތުންވުމަކާއި އެކު އޭނާ ރަނގަޅު ކަމަށް ބުނެ ބޯޖަހައިލިއެވެ.
“ބައްޕާ.. އެދުވަހު ބައްޕަ ގެންގޮސް ނިއަލް އެކޮޓަރިއަށް ވައްދާފަ ބަންދު ކުރި ގޮތައް ނުނެރޭތަ؟” އިޒްވާ އަހާލިއެވެ. އިޒާން ބޯޖަހައިލިއެވެ.
“ލައްބަ ދަރިފުޅާ،ނުނެރޭ.. ކޮންމެ ދުވަހަކު ކާން ގެނޭ.. އެއިން ކޮންމެ ފަހަރު އެމީހުންގެ އަނިޔާއާއި ވެސް ކުރިމަތި ލާން ޖެހޭނެ.. އާންމުކޮން އަންނަނީ ނިއަލް.. ނޫނީ އޭނަގެ ދަރި… ވަރަށް މަދު ފަހަރަކު އެހެން މީހަކު އަންނާނީ.. އެދުވަހު މަންމައާއި ބައްޕަ ދިޔައީ ކުޑަ ކުއްޖެއް ރުއިމުގެ އަޑަށް.. އެއީ ދޯ ރުއާ؟ ހޫރައިން ގެންދަން ފެށީމަ ބައްޕަ ވެސް ގާތްވީ އެމީހުން ސަލާމަތްކޮށްދެވޭތޯ.. ބައްޕައަށް އެވަގުތު ފެނުނު ނިއަލްގެ ސޫރަ.. ނޭނގޭ ވީ ގޮތެއް ވެސް.. ކާކު އުއްމީދު ކުރާނީ ނިއަލްގެ ސޫރަ ފެނިދާނެ ކަމަށް ދޯ! ކާފަމެން އެހާ ބޮޑު ޅަ އެއްޗެއް އެޅިކަމެއް ވެސް އޭރަކު ނޭނގޭ.. ދެން އެމީހުން ޖެހި އިންޖެކްޝަނެއް ޖެހިފަހުން ބައްޕައަކަށް އެއްވެސް ބާރެއް ބޭނުމެއް ނުކުރެވޭ.. އަނބުރައިގަތީ…އެމީހުން ގެންދަން ފެށި ކަން އެނގުނު، އެކަމަކު ދެން ވީގޮތެއް ނޭނގޭ.. އެއީ މަންމަ ވެސް އެންމެފަހުން ފެނުނުވަގުތު ކޮޅު..އެމީހުން ބައްޕަ ގެންގޮސް އެތާގަ ބަންދުކުރީ.. ނިއަލް ފުރަތަމަ ދުވަހު ކިޔައިދިން މާއިސްގެ ނުގަބޫލުގަ ވެސް ކާފައާއި ބޮޑުބެ ، އެކުވެރިޔާގެ ދަރިއަށް ވީތީ އާ ފުރުސަތެއް ދީފަ އެންމެންނާއި ސިއްރުން ނިއަލް ދޫކޮށްލި ވާހަކަ.. ދެން ނިއަލް އެދުވަހު ޖެހި އިންޖެކްޝަނަށް ފަހު، އަދިއަދަށް ދާންދެންވެސް ބައްޕައަކަށް އެއްވެސް ބާރެއްގެ ބޭނުމެއް ނުކުރެވޭ.. އެއީ އެންމެ ބޮޑަށް ބަލިކަށިވާން މެދުވެރިވި ސަބަބު.. އެމީހުންގެ އަނިޔާތަކަށް ފަހު ވެސް އަމިއްލަ ދިފާއުގައި ކަމެއް ނުކޮށްލެވޭނަމަ ދެން ވާނީ ބަލިކަށިތާ.. އެދުވަހު ދޯ އީތަންއަށް ވެސް ފެނުނީ؟” އިޒާން ވާހަކަ ދެއްކިއެވެ.
“ލައްބަ، އެދުވަހު.. ” އަދިވެސް އެދުވަހުގެ ހަނދާން ވުމުން ކުށްވެރިކަމުގެ އިހުސާސުން ނަފުސް ބައްދާލައެވެ. އެހެންކަމުން އެކަމާއި ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންވީ ނަމަވެސް ނުކުޅެދުނެވެ. އެކަން އިޒާންއަށް ވިސްނުނީ ކަންނޭގެއެވެ.
“އެކަމާއި ހާސްނުވޭ، އެވަގުތު ނެތޭ އީތަން ކުރެވޭނެ ކަމެއް ވެސް.. އެކަމަކު ވެސް މިއަދު މިރެއިލްއަށް ވެސް އެހީވެވުނީ އީތަންގެ ސަބަބުން.. ބައްޕަ އެކަމެއް ހަނދާން ނައްތައެއް ނުލާނަން..އަދި އިޒީއަށް ތިކަހަލަ ކުއްޖަކު ލިބުނީމަ ބައްޕަ ވަރަށް ހިތްހަމަ ޖެހިފަ މިހުންނަނީ.. ދެކުދިންނަށް ވެސް މަރްހަބާ” އީތަންއާއި އިޒްވާގެ އަތުގައި ހިފާލަމުން އިޒާން ހީލިއެވެ. އީތަން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިތަން ފެނި އެހިނިތުންވުން ފުޅާވިއެވެ.
ދެން ފެނުނީ އިޒާން އަތުގައި އިން ކެނިއުލާރ ނައްޓާލި މަންޒަރެވެ. އެހެންމީހުން ނުވިސްނާ ތިއްބާ އިޒާން އެފަދަ ކަމެއް ކުރުމުން ތިންމީހުންނަށް ވެސް ސިހިފައި އިޒާންއަށް ގޮވާލެވުނެވެ.
“ބައްޕަ ރަނގަޅޭ.. ހިނގާބަލަ ރުއާ ކައިރިއަށް ގެންގޮސްދޭން.. ލިއަމް ވެސް ވީ އެކޮޅުގަ ދޯ؟ އެ ކުއްޖާއަށް އެހާ ވަރު ވީވެސް ބައްޕަ ސަލާމަތް ކުރަން އުޅެނިކޮން.. ކިހިނެތް ހާލު ނުބަލާ ހުންނާނީ”އިޒާން ދެފައި މައްޗަށް ކޮޅަށް ތެދުވިތަން ފެނުމުން ޒީވާ ވެސް ދެކޮޅެއް ނުހަދައެވެ. ހިނގާފައި ދެވޭނެ ކަމަށް އިޒާން ބުނުމުން ޒީވާ ހިތްހަމަޖެހުނެވެ. އެކަމަކު ވެސް އީތަން އެތަނުން ނުކުތީ އިޒާންގެ އަތުގައި ހިފައިންނެވެ. ޒީވާއާއި އިޒްވާ ތަންކޮޅެއް ކުރީން ހިނފާއި ދިޔުމުން އީތަންއާއި ވާހަކަ ދެއްކޭނެ ފުރުސަތު އިޒާންއަށް ލިބުނެވެ.
އިޒާން ސުވާލު ކުރީ އަޒްލާންއާއި ބެހޭގޮތުންނެވެ. އަޒްލާން ކޮބައިތޯ އެހުމުން އީތަން އަށް ދޫކޮށްލެވުނީ ނުތަނަސް ނޭވާއެކެވެ. އެތަނުގައި ލިއަމްގެ އަތްމަތީގައި އިޒާން ހޭދަކޮށްލި ވަގުތު ކޮންމެވެސް ވަރަކަށް ވާނުވާ އެނގެއެވެ. އެހެނަސް އީތަންގެ ފުށުން ވެގެން ދިޔަ ހުރިޙާ ގޮތެއް އިޒާން ހޯދިއެވެ. އީތަންވެސް ފޮރުވުމެއް ނެތި، އެ ގަނޑުވަރު ބިމާއި ހަމަވެގެން ދިޔަ ހިސާބަށް ކަންތައް ވެގެން ދިޔަ ގޮތް ކިޔައިދިނެވެ.
“ބިލާލް ހަމަ އެހެން ބުނި ދޯ؟ އެހެން ވިއްޔާ ރުއާއަށް ވަރަށް ބަލަން ޖެހޭނެ.. އަދި އަޒްލާންގެ ސަލާމަތައް ވެސް ބަލަން ޖެހޭނެ.. ބަލާ މިވެގެން ދިޔަ ކަންތައްގަނޑުވެސް.. ހުސް އިބުރަތް” އިޒާން ބުނެލިއެވެ. އެކަމާއި އެއްބަސްވުމުގެ ގޮތުން އީތަން ބޯޖަހައިލިއެވެ.
“އެކަމަކު ބައްޕާ ކީއްދޯ ކުރާނީ، އަހަންނަށް އަލަށް އަޒްލާން މިފެނުނީ.. އެވެސް މިކަމުގެ ތެރޭގަ.. އެހާ ޔަންގު އިރުވެސް އޭނާ ހާދަ ބޯހަރޭ..ބިލާލްގެ އިންޒާރުން އަހަރެން ބިރުގަތް އިރުވެސް އޭނާގެ މޫނުމަތިން އެވަގުތު ނުފެނޭ ބިރުވެރިކަމުގެ ކުޑަވެސް އަސަރެއް.. ބައްޕަ އަދި މިވާހަކަ ބާއްވަމާ ސިއްރުކޮށްފަ.. އަޒްލާން ބުނި އަހަރެން ގާތު މިކަން އިތުރު މީހަކަށް ނާންގާށޭ.. އެއީ ރުއާ އަދި ހޫރައިން ދައްތަ އެކަމާއި ވިސްނަމުން ގޮސް ބަލިވެދާނެތީ.. ދޮންބެއަށް ވެސް ނާންގައްޗޭ.. އިޒީ ކައިރީގަ ވެސް ނުބުނަން.. ބައްޕަގާތު އެކަނި މިބުނީ، މިހުރިޙާ ކަމެއްގަ ބައްޕަގެ ތަޖުރިބާ ބޮޑުވާނެތީ.. އަހަންނަށް ހީވަނީ އަޒްލާން ބުނާ ބަސް އަހައިގެން މަޑުކޮށްގެން ތިބެން.. އަހަރެންގެ ބައްޕަމެންނާއި ރުއާގެ ފެމެލީ މީހުން އެބަލަނީ ބިލާލްގެ ހަބަރެއް ވޭތޯ..” އީތަން ބުންޏެވެ. އިޒާންގެ އެވާހަކައާއި އެއްބަސްވީ އެކަން އެހެން ބޭއްވުން ރަނގަޅުކަމަށް އޭނާއަށް ވެސް ފެނުމުންނެވެ. ހާއްސަގޮތެއްގައި ލިއަމްއަށް އެހަބަރު އިއްވައިފިނަމަ، ލިއަމްއަށް އޮޅިގެން ނަމަވެސް ރުއާނާ ގާތު ބުނެވިދާނެއެވެ. އޭރުން ވެސް ގޯސްވެދާނެއެވެ. މިހުރިޙާ ކަމަކަށް ފަހު ރުއާނާގެ ހާލަތު އަދި ހުރިގޮތެއް ވެސް އެނގެނީއެއް ނޫނެވެ. ނަފްސާނީ ގޮތުން އަސަރު ކުރުމަކީ ވެސް އެކަށީގެންވާކަމެކެވެ.
ދެމީހުންނަށް ދެވުނު އިރު ރާބިއުއާއި ހޫރައިން ފިޔަވައި އެހެންމީހުން ތިއްބެވެ. އިޒާން ފެނުމުން އެންމެންގެ ލޯތަކަށް ވެސް ކަރުނަ އައިސްފިއެވެ. އަލާނިއަލް އައިސް ލޯބިވާ ބޭބެގެ ގައިގާ ބައްދާލިއެވެ. ދެބެންގެ ލޯތައް ފުރިގެން ދިޔައިރު އެދެމެދުގައި އޮތް ލޯބި ދޭހަވެއެވެ. ޔަޒަކްއަށް ވެސް ވެގެންދިޔައީ އެފަދަ ގޮތެކެވެ. އެންމެ ގާތް އެކުވެރިޔާ އެތައް ދުވަހަކަށް ފަހު ފެނުމުން ޖަޒުބާތުގައި ޖެހޭ ގޮތްވިއެވެ. އެދެމީހުންނަށް ފަހު ކައިވަން ވެސް އިޒާންގެ ކޮނޑާއި ކޮނޑު ޖައްސާލަމުން ދުރުވެލި އިރު އޭނާގެ ލޯވެސް ވަނީ ތެމިފައެވެ.
އިޒާން އާއި ޒީވާ ގޮސް މަޑުކޮށްލީ ރާބިއު ހޫރައިންގެ ގާތަށެވެ. އެމީހުންގެ މަގަތުގައި ލިއަމް ވެސް އިނެވެ. ހޫރައިންގެ ބޯ ބާއްވާލެވިފައި އޮތީ ރާބިއުގެ ކޮނޑުމަތީގައެވެ. އޭރުވެސް ހޫރައިންގެ ފަނޑުގިސްލުމުގެ އަޑު ވަނީ މާހައުލުގައި ހަރުލާފައެވެ. ރާބިއުގެ ކޮނޑުގައި އިޒާން އަތް ޖައްސާލިއެވެ. އޭނާ ރީތި ހިނިތުންވުމެއް ރައްދުކޮށްލުމުން އިޒާން ވެސް ހީލިއެވެ.
*****
އާ ދުވަހަކަށް އިރު ފެނުން ތޮޅެލުމާއެކު، ބޭރަށް ނުކުތް ގޮތަށް މުޅި ދުވަހު އެކުވެރިންނާއި އެކު ބޭރުގައި އުޅުމަށްފަހު، ޝިއާ އެނބުރި ގެއަށް އައީ އިރުއޮއްސި ދުނިޔެމަތި ބޯ އަނދިރިކަމުގެ ފޭރާމުން ނިވާވެފައި ވަނިކޮށެވެ. ގޭޓުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅު މަޑު ޖައްސާލީ، ބަގީޗާއާއި ދިމާލުން ބަޔަކު މާ ހީހީފައި ވާހަކަ ދައްކާ އަޑު އިވިގެންނެވެ. ގެއަށް ވަނުމުގެ ބަދަލުގައި އޭނާ ވެސް މިސްރާބު ޖެހީ ބަގީޗާއަށެވެ. ދިޔައިރު ބިޔަ ކޮން ފެތުރިފައިވާ ޕައިން ގަހެއްގެ ހިޔަލުގައި، ދޫލައެއް ފަދައިން ފެތުރިފައިވާ ފެހިކަންގަދަ ވިނަގަނޑުގެ މަތީގައި މިރެއިލް އާއި ޝެރީންގެ އިތުރުން ޒައްޔާން މަޖާވެލާފައި ތިއްބައެވެ. ބަގީޗާގެ އެކި ދިމާދިމާލުގައި ދިއްލާފައިވާ އޮރެންޖު ކުލައިގެ ފަނޑު އަލިތަކުން މުޅި މާހައުލަށް ގެނެސްދީފައިވަނީ ސިހުރުވެރި ފުރިހަމަކަމެކެވެ. ގަހުގެ އޮފިތައް ފެތުރިފައިވާ ގޮތުން، ބޭރުގައި ފައިބަމުންދިޔަ ފިނި ސްނޯގެ އަސަރެއް އެމީހުން ތިބި ހިސާބަކަށް ނުކުރެއެވެ. އެމީހުން އެހާ ހީހީފައި ދައްކަމުން ދިޔަ ވާހަކަ އެހުމަށް ޝައުގުވެރިވީ ވަރުން ޝިއާ ފިޔަވަޅުތައް އެޅި ނުހަނު މަޑުންނެވެ. ޝެރީންގެ އަތުގައި އޮތް ފޮޓޯ އަލްބަމް ވެސް ޝިއާއަށް ފެނުނީ ފުދޭވަރަކަށް ގާތައް ދެވުނު ފަހުންނެވެ.
“މިހާރު އެހުންނަހެން ކުޑައިރުވެސް ޝިއާ ހުންނާނީ ލޯބި ލޯބި ބޮޑު ދެކޯ ލާފަ.. ކުޑައިރު އީތަންއާއި ދެމީހުން ނިކަން ކޯޅޭނެ.. އީތަން ކޮށްލާ ކަމަކީ ރުޅި އަންނަ ކޮންމެ ފަހަރަކު ޝިއާގެ މޫނުގަ ހިފާފަ ގެނެސް ކޮލުގަ ދަތްއަޅާލާނީ.. ދެން ޝިއާ ރޯނެ.. އެކަމަކު އީތަން ނުހުއްޓާނެ އަހަރެމެން މީހަކު ދުރުކުރަން ނާންނަނީހެއް.. އެހާ ސިއާސަ ވާނެ… ދެން ޝިއާ ވެސް ބަދަލު ހިފާނެ.. އީތަން އެންމެ ލޯބިން ގެންގުޅޭ އެއްޗިހި ފޮރުވާނެ އޭނަގެ ރުޅިގަނޑު ރަނގަޅަށް ހިލެންދެން” ޒައްޔާންއަށް ޝެރީން ދެއްކި ފޮޓޯގަނޑު ފެނިފައި ފަހަތުގައި ޝިއާއަކަށް ނުހުރެވުނެވެ. ބާރަކަށް ދުވެލާފައި އައިސް އަލްބަމް ޖަހައިގަނެފިއެވެ. ކިތަންމެ ސިއްރުން ޝިއާ އައި ނަމަވެސް އޭނާ އައިކަން ޒައްޔާންއަށް އެނގުނެވެ. ޒައްޔާންއއަށް އެހާ ޝައުގުވެރިކަމާއި އެކު އެވާހަކަތައް ޒައްޔާންއަށް ކިޔައިދޭން ތިބުމުން ޝިއާ އައިކަމެއް ނޭނގުނީ މިރެއިލްއާއި ޝެރީންއަށެވެ. އެދެމީހުން ދިޔައީ ސިހިގެންނެވެ.
“މަންމާ އެކަމަކު ދިސް.. އެހުރިހާ ފޮޓޯއެއްގެ ތެރެއިން ވެސް؟” އަލްބަމްގައި އިން ފޮޓޯއަށް ބަލައިލަމުން ޝިއާއަށް ދެތުންފަތް ފިއްތާލެވުނެވެ. އޭގައި އިނީ ޝިއާގެ އުމުރުން ހަތަރުވަރަކަށް އަހަރުގައި ނަގާފައިން ފޮޓޯއެކެވެ. ހެދުމެއް ނުލާ އިން އިރު، އަނގަބޮޑުވެފައި ހުރިގޮތުން ނުހަނު ބޮޑަށް ރޮމުން ދާކަން ހެކިދެއެވެ. ޝިއާ ބަލައިލި އިރު ޒައްޔާން ހެވިފައި އިނދެ އެއްލޯ މަރާލި ގޮތުން އިހުނަށްވުރެން ލަދުގަންނަ ގޮތްވިއެވެ.
“ހަހަހަ ކީއްތަވީ، ކިހާ ލޯބި ފޮޓޯއެއް” މިރެއިލް ހޭންފަށާފައި އަލްބަމް ހޯދަން އަތް ދިއްކޮށްލުމުން ދެލޯ އަޅާލައިގެން ހުރެ ޝިއާ މިސްޜާބު ޖެހީ ގޭތެރެއަށެވެ. އޭނާގެ ފަހަތުން ހެމުން ހެމުން ޒައްޔާން ވެސް އައިސްފިއެވެ. އަމިއްލަ ކޮޓަރިއާއި ހިސާބަށް އާދެވުމުން ޝިއާ އުޅުނީ އަވަހަށް ދޮރު ޖަހާށެވެ. ނަމަވެސް ޒައްޔާން އެދޭތެރެއަށް އަތް ލައްވާލަމުން އޭނާގެ ބާރުން ދޮރު ބޮޑަށް ހުޅުވާލުމުން ޝިއާ ލޯ އަޅާލިއެވެ.
“ކީއްކުރަން ތިއައީ؟”އަލަމާރީގެ ވަތްގަނޑެއް ހުޅުވާލަމުން އަލްބަމް ލުމަށްފަހު ޝިއާ އެނބުރިލި ހިނދު ދިޔައީ ސިހިގެންނެވެ. އެހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޒައްޔާން ހުރީ އޭނާއާއި ޖެހޭ ނުޖެހޭ ހިސާބު ގާތުގައެވެ.
“ޒައް-” ޝިއާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭނާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ ގާތައް ދަމާލަމުން ޒައްޔާން، އެމޫނާއި ގާތްވެލިއެވެ. އެކުއްލި އަދާއިން ޝިއާގެ މުޅިހަށިގަނޑުގައި ދުވެލީ ގަނޑުފެނުގެ އޮއިވަރެކެވެ. ހަރަކާތެއް ވެސް ގެންނަން ނޭނގިފައި ހުއްޓާ ސިހުމެއް ލިބުނީ މޫނާއި ގާތައް ޒައްޔާން މޫނު ގާތް ކޮށްލުމުންނެވެ. ހިތުގެ ތެޅުން ދެގުނަވެގެން ދިޔައިރު ތުންފަތުގައި ދައިގަނެވުނެވެ. ޒައްޔާންގެ މޫނު ޖެހޭ ނުޖެހޭ ހިސާބު ގާތައް ކައިރިވެގެން ދިޔަ ހިނދު ޝިއާއަށް ދެލޯ މަރާލެވުނެވެ. ޝިއާގެ މޫނަށް ޒައްޔާންގެ ހޫނު ނޭވާގެ އިހުސާސް ފޯރަމުން ދިޔައިރު، ހީވަނީ ވަގުތު ހުއްޓިފައިވާ ހެންނެވެ. އެހެނަސް، ޒައްޔާންގެ ފަރާތުން އެއްވެސް އިތުރު ކަމެއް ނުފެނުނެވެ. އެހުރިގޮތައް ހުރީއެވެ. އެކަމުން ހިސާބަކަށް ލަދުގަންނަ ގޮތްވެ ޝިއާ ދެލޯ ހުޅުވާލަން އުޅުނު ހިނދު، އޭނާ ކޮށްލި ކަމަކުން ޝިއާއަށް ތޫލި ހަޅޭކެއްގެ އަޑޫ ބޭރުކޮށްލެވުނެވެ. ޝިއާގެ ކޮލުގައި ޒައްޔާން ދަތް އެޅީއެވެ. ވެގެން ދިޔަ ތަދުން ކޮލުގައި އަތް ފިރުމާލެވުނު ހިނދު ޝިއާ ހުރީ ދެލޯ އަޅާލައިގެންނެވެ.
“ހަހަހަހާ” ޝިއާގެ ކައިރިން ދުރަށް ޖެހިލަމުން ޒައްޔާން ޖެހިގަތީ އެނދަށެވެ. އޭރުން ހީހީ ގޮސް އޭނާގެ ބަނޑުގައިވެސް ހުރީ ރިއްސައިގަނެފައެވެ. އެހެން އޮވެ ބަލައިލި އިރު ކަމަކު ދާކަށްނެތެވެ. ޝިއާގެ މުޅި ކޯވަނީ ރަތްވެފައެވެ. ހެމުން ދިޔަ ޒުވާނާގެ ހުނުން ހުއްޓުނެވެ. ކައްޓެހި ޖެހިހެން ތެދުވެ އައިސް ޝިއާގެ ކުރިމަތީގައި އަލުން ހުއްޓުނެވެ.
“އަނެއްކާ ދަތް އަޅަން ތަ؟” ލޯ ހަނިކޮށްލަމުން ޝިއާ ވަގުތުން ދުރަށް ޖެހެން އުޅުނެވެ. އެހެނަސް ޒައްޔާން އޭނާގެ އަތުގައި ހިފާ ގާތައް ދަމާލިއެވެ.
“އަމް ސޮރީ، ވަރަށް ތަދުވޭތަ؟” ޝިއާއާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުރެފައި ޒައްޔާން އެއް އަތުން ޝިއާގެ ކޮލުގައި ހިފަހައްޓާލިއެވެ. އަނެއް އަތުން، ރަތްވެފައި ހުރި ހިސާބު ނުހަނު ލޯބިން ފިރުމާލަދިނެވެ. އެކަމުން ޝިއާގެ ހިތައް ކުރުވަމުން ދިޔައީ ބަޔާން ކުރަން އުނދަގޫ ފޮނިފޮނި އިޙްސާސެކެވެ. ޒައްޔާންގެ އަތް އިޙްސާސްވާ ކޮންމެ ފަހަރަކު ހިތް އަވަސްކުރުވަމުން ދިޔައިރު، އެހާ ގާތުގައި ހުރުމުން ނޭވާވެސް ހީވީ އަރުގައި ތާށިވެގެން ގޮސްފާނެހެންނެވެ.
“މީ..މި.މި އޯކޭއޭ.. ތަދެއް ނުވޭ” ޒައްޔާންގެ މޫނުން ހިސާބަކަށް ދެރަވެފައި ހުރިކަން އިޙްސާސްވުމުން ޝިއާއަށް ވަގުތުން ބުނެވުނެވެ.
“ބަލާ މިހިރީ ރަތްކަން ވާވަރު..”
“ދެން ޕިސް ޕިސް، ވަކި އަހަރެންގެ ކޮލަކު ނޫން، މޫނުގެ ކޮންމެ ހިސާބެއްގަ ދެ އިނގިލި ކުރިން މަޑުމަޑުން ވިކާލިއަސް ހުންނާނެ އެހެން ރަތްވެފަ.. ތަންކޮޅެއް ހުދު ބޮޑީ ކަންނޭގެ.. ހަހަހަ” ޒައްޔާންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނައުމުގެ ނިޔަތުގައި ޝިއާ ހޭންފެށިއެވެ. އެވާހަކަ އިން އޭނާ ވެސް ލުއި ގޮތަކަށް ހީލިއެވެ. ނަމަވެސް ޝިއާ ސިހުނީ ޒައްޔާން ގާތް ވެލާފައި އޭނާގެ ކޯތާފަތުގައި ނުހަނު ލޯބިން ބޮސްދިނުމުންނެވެ. އިރުކޮޅަކު ހަރަކާތް ހުއްޓިފައި ހުރެވުނެވެ. އެ ކުއްލި ހަރަކާތުން ޝިއާ ރަނގަޅަށް ވެސް ސިހިއްޖެއެވެ.
“ސްޓިލް، އަމް ސޮރީ.. އުއްމީދުކުރަން ސޮރީ އެކްސެޕްޓް ކޮށްފިކަމަށް” އެއްމިޔަކަނުން ހީލައިގެން ހުރެ ޒައްޔާން ދުރުވެލި އިރު ވެސް، އެ ތޫނު ނަޒަރު ހުއްޓިފައި ހުރީ ޝިއާގެ ދެލޮލަށެވެ. ޝިއާ އިސްޖަހާލަމުން، ލަދުރަކި ގޮތަކަށް ހީލިއެވެ.
“ޔޫ ޝުއަރ، ޔޫ އޯކޭ؟”
“ލައްބަ.. ލައްބަ.. އަހަރެން ހަމަ ވަރަށް ރަނގަޅު.. މިހާރު ހަމަ އެއްވެސް ވަރަކަށް ތަދުގެ އަސަރެއް ނުކުރޭ.” ޒައްޔާން އަނެއްކާވެސް އަހާލުމުން ޝިއާ ޖަވާބުދިނެވެ. ޒައްޔާން ހިތްހަމަ ޖެހުނީ އެގޮތުގައި ހުރެ ޝިއާ އެތައް ފަހަރަކު ރަނގަޅު ކަމަށް ބުނުމުންނެވެ.
ދެ ޒުވާނުން ބޭރަށް ނުކުމަތީ، ދެމީހުން އާދައިގެ މަތިން ގޮސް އުޅޭ ބަގީޗާއަށް ވަނުމުގެ ގޮތުންނެވެ. އެއީ ޒައްޔާންގެ ގެޔާއި ގާތް ހިސާބެއް ކަމުން ލަސްވެދާނެތީ ޝިއާ ދަމުން އެކަން ޝެރީންއަށް އަންގާލިއެވެ. އެހިސާބަށް ފޯރުމުން ދެމީހުން ގޮސް އިށީންދެލީ އެންމެ އެތެރޭގައި ހުރި އުނދޯލީގައެވެ. ކަޅުފޮއިރެއެއް ނަމަވެސް އެކިހިސާބުތަކުގައި ޖަހާފައި ހުރި އޮރެންޖު އަލިތަކުން މާހައުލު ފެންނަނީ ނުހަނު ހިތްގައިމުކޮންނެވެ. ޝިއާ އިން އުނދޯއްޔާއި ޖެހިގެން އިން އުނދޯލީގައި ޒައްޔާން ވެސް އިށީނެވެ.
“އަހަރެން އެބަހުރި ވަރަށް ބައިވަރު ސުވާލު ކުރަންވެފަ، ސުވާލު ކޮށްފިއްޔާ ޖަވާބު ދޭނަންތަ؟” ޝިއާ ވާހަކަ ދެއްކީ ލުއި ގޮތަކަށް އުނދޯލި ހެއްލާލަމުންނެވެ.
“އަމް އޯލް ޔުއާރސް ހަނީ.. އޮފްކޯޒް ޔެސް” ޒައްޔާން ބުނެލިއެވެ. އެހެން ބުނެލިއިރު، އޭނާގެ ފުން ނަޒަރު ޝިއާގެ މޫނަށް ހުއްޓިފައިވަނީ ކަޅިޖަހާލުމެއް ނެތިއެވެ. ޒައްޔާންގެ އެ ބެލުމުން ޝިއާގެ ދޮން މޫނަށް ލަދުވެތިކަމުގެ ޖަންބު ކުލަ ވެރިވެގެން ދިޔައެވެ.
”މިރޭ ތިއުޅެނީ ފްލާރޓް ކުރަން ހިތުލައިގެންތަ؟ އަހަރެން ދާނަން އިނގޭ މާ ފޮނިވަންޏާ” ލަދުގަތްކަން ފޮރުވާލުމުގެ ގޮތުން ޝިއާ ދުރުބަލައިލަމުން ހީލިއެވެ. ޒައްޔާންވެސް ޖަހައިލީ ހިނިގަނޑެކެވެ. އޭނާ އިން އުނދޯލިން ތެދުވެ، ޝިއާ އިން އުނދޯލީގައި އިށީންނެވެ. އެހިނދު ޖާގަ ހަނިވެ ދެމީހުންނަށް ވެސް ތިބެވުނީ ޖެހި ފިތިގެން ކަހަލަ ގޮތަކަށެވެ. އެކަކު އަނެއްކަކު ހަށިގަނޑުގެ ހޫނުކަން ދިޔައީ އިޙްސާސްވަމުންނެވެ. ޝިއާ ތެޅިގަނެފައި އުޅުނީ ތެދުވަންނާށެވެ. ނަމަވެސް ޒައްޔާން އޭނާގެ އަތައް ދަމާލަމުން ގެނެސް ބެއިންދީ ފައިމަތީގައެވެ. ލަދުން ވިރެމުން ދިޔަ ޝިއާއަށް އިސްއުފުލާލަން ވެސް ނުކެރުނެވެ.
“ޒައް..ޒައްޔާން، ހިއެއް ނުވޭތަ މާކައިރީގަ ހެންނެއް މިތިބެވެނީ” ޝިއާ ބުނެލީ ކިރިޔާ ޒައްޔާންގެ ކަންފަތައް އަޑު ފޯރާވަރަށެވެ.
“މްމްމް، އަދި ފަހުން މިއަށް ވުރެން ވެސް ކްލޯޒް ކޮންވެސް ތިބޭނެ އަހަރެމެން” ޝިއާގެ ކަންފަތާއި އަނގަ ގާތްކޮށްލަމުން، ފަހަތުން އެ ހަށިގަނޑުގާ ޒައްޔާންގެ ދެއަތް ވަށާލިއެވެ. ޒައްޔާން ދަތްދޮޅި ބާއްވާލީ ޝިއާގެ ކޮނޑުމަތީގައެވެ. އެހެން އޮވެވެސް ކަޅި ޖަހައި ނުލާ ޝިއާގެ މޫނަށް ބަލަމުން ދިޔަކަން އިޙްސާސްވާތީ އެތެރެހަށީގައި އުފެދިފައިވާ ހައިޖާނުގަނޑު އިހުނަށް ވުރެން ވަނީ ފުންވެފައެވެ. ހިތް ތެޅެމުން ދަނީ ހިފަހައްޓާލަން ދަތި މިންވަރަކަށެވެ.
“ޒައްޔާން، ސްޓޮޕް ފްލަރޓިންގް”
“ޝިއާއަށް ހަމަ ޔަގީންތަ އަހަރެން މިކުރަނީ މި ފްލަރޓް ކަން؟” ޝިއާގެ ސުވާލަށް ޒައްޔާން އަހައިލިއެވެ. ނަމަވެސް ޝިއާގެ ފުށުން އެއްވެސް ބަހެއް ނީވުނެވެ. އިސްޖަހައިލައިގެން ދެއަތް ދެއަތާއި މޮޑެލިގޮތުން ލަދުގަނެފައި އިންވަރު ޒައްޔާންއަށް އިޙްސާސްވިއެވެ. އޭނާގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ.
“ދެން ދެޓް މީންސް އެވްރި ފްލަރޓް އައި ޑިޑް އެކްޗުއަލީ ވޯކްޑް” ޒައްޔާން މަޑުމަޑުން ބުނެލިއެވެ. އެހެން އިނދެފައި ޝިއާ އެންމެ ފަހުން ޒައްޔާންގެ މޫނާއި ދިމާލަށް މޫނު އަނބުރާލިއެވެ. އެހިނދު އެދެމެދުގައިވާ ދާއިރާ އިތުރަށް ހަނިވިއެވެ. ދެމީހުންގެ ނަޒަރު ސީދާވެފައިވީ އިރު ޝިއާގެ މޫނުން ޒައްޔާންގެ ނަޒަރު ހިނދުކޮޅަކަށް ވެސް ކަސިޔާރު ނުވެއެވެ.
“ޔޫ ރިއަލީ ހޭވް ނޯ ސެންސް އޮފް ބައުންޑަރީޒް، ޑޫ ޔޫ؟” ދެލޯ ހަނިކޮށްލަމުން ޝިއާ ބުނެލިއެވެ. އޭނާގެ އަޑުގައި ހިސާބަކަށް ލާނެތްކަން ވެސް ވިއެވެ.
“އޮންލީ އަރައުންޑް ޔޫ… ޝިއާ ފެނުނަސް އަހަރެން ހަނދާން ނެތޭ ނޯމަލްވެގެން ހުންނަން..” ޒައްޔާން ހީލިއެވެ.
“އެހެންވީ އިރު އަހަންނާ ދުރުން އުޅޭ.. އަހަންނާއި އެކު މާ ގިނައިން އުޅެނިކޮން މީހުން ބުނެފާނެ ތިއީ މޮޔައެކޭ ވެސް” އެހުރިގޮތައް ހުރެވެސް ޝިއާއަށް ހެވުނެވެ. ތުންފަތުގައި ދަތް އަޅުވާލީ ބާރަށް ހެވިދާނެތީއެވެ. އެހެން ހުއްޓާ ސިހުނީ ޒައްޔާން، އެ މޫނާއި ގާތްވެލަމުން ކޮށްލި ކަމަކުންނެވެ. އިރުކޮޅަކަށް ފަހު ދުރުވެލި އިރުވެސް ޝިއާއަށް ހުރެވުނީ ދެލޯ ހުޅުވާ ބޮޑުކޮށްލައިގެންނެވެ. ޒައްޔާން ދުރުވެ އޭނާގެ ތުންފަތުގައި އަތް ބީއްސާލި ހިނދު، ގަތް ލަދުން ޝިއާ އުޅުނީ މިފަހަރުވެސް ޒައްޔާންގެ ފައިމަތިން ތެދު ދުއްވައިގަންނާށެވެ. އެހެން ނަމަވެސް ޒައްޔާން ހިފަހައްޓާއިގެން ހުރިލެއް ބާރުކަމުން ދުރުވެވޭކަށް ވެސް ނެތެވެ.
“އަދިވެސް ބުނާނަންތަ ދުރުން އުޅޭށޭ..” ޝިއާގެ މޫނުގައި ދެފަރާތުން އަތް އަޅުވާލަމުން ޒައްޔާން އަހައިލިއެވެ. ޝިއާއަށް އެއްޗެއް ނުބުނެވިފައި އިން އިރު، ޒައްޔާން އަނެއްކާ ވެސް އެއަމަލު ތަކުރާރް ކޮށްލިއެވެ. މިފަހަރު ޝިއާއަށް ވެސް އެކަމުގައި ބައިވެރިވެވުނެވެ.
“ބުނެބަލަ.. ދަވޭ އައި ޓޯކް ޓު ޔޫ، ދަ ވޭ އައި ލުކް އެޓް ޔޫ.. އީވެން ދިސް ކިސެސް.. މިހުރިހާ ކަމެއް ވެސް މިއީ ހަމަ ފްލަރޓްސް ؟” ޒައްޔާން އަހައިލިއެވެ. ބުނާނެ އެއްޗެއް ނޭނގިގެން އިނދެފައި ޝިއާ އެންމެ ފަހުން ދެފަރާތައް ބޯހޫރުވާލިއެވެ.
“އެނގެއެންނު އެހެން އިތުރު އަންހެންކުއްޖަކާއި އަނގައިން ނުބުނާ މީހަކު ޝިއާގެ ކައިރީގަ ހުރިހާ ވަގުތެއްގަ ވެސް ހުންނާނީ ކަމެއް ވީމަކަން”
“އަހަރެން ހީކުރީ އަހަންނާއި މެދު ޒައްޔާން ދެކެނީ ހަމައެކަނި ފްރެންޑް-”
“ފްރެންޑް؟ ރިއަލީ، ހަހަހަ.. ނޯވޭ، އަހަރެން ނުދެކެން ތިއީ ރައްޓެއްސެއްކަމަކަށް.. އެގިއްޖެތަ ބުނަން މިއުޅެނީ ކީކޭކަން” ޒައްޔާން އަހާލިއެވެ. ޝިއާގެ ފަރާތުން ޖަވާބެއް ނައެވެ.ނަމަވެސް އެ ރަތް ތުންފަތުގައި ފެވިގެންދިޔަ ރީތި ހިނިތުންވުމެކެވެ.
“ޝިއާ، އައި ކެއަރ އެބައުޓް ޔޫ މޯރ ދޭން އައި ނޯ ހައު ޓު އެކްސްޕްލެއިން.. އައި ލަވް ޔޫ” ޒައްޔާންގެ ޖުމްލައިން ޝިއާއަށް އެ މޫނަށް ބަލައިލެވުނެވެ. ދެލޮލުގައި ވިދައިގެން ފެންތިކިތައް ބަބުޅަމުން ދިޔައިރު، ޝިއާގެ ތުންފަތުން ހިނިތުންވުން ނުގެއްލެއެވެ. ދެވަނަ ސިކުންތުގައި ޒައްޔާންގެ ގައިގާ ޝިއާ ބައްދާލިއެވެ.
“މީޓޫ” ޒައްޔާންގެ މޭގައި ބޮނޑިވެލިއިރު، ޝިއާގެ އުނަގަނޑުގައި ޒައްޔާން އަތް ވެސް އެޅުވުނެވެ. ބުނަން ބޭނުންވި ބަސްތައް ދުލާއި ހަމައަށް ގެންވުނު އިރު ޒައްޔާންއަށް ހުރީ ތަފާތު ޖޯޝެއް އައިހެވެ. ޝިއާގެ މޫނުމަތިން ލަދުރަކި ކަން ނުފިލައެވެ. ނަމަވެސް އުފާވެފައި ހުރިވަރު ވެސް ފެނެއެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ތިބެ ދެޒުވާނުން އެތައް ވާހަކަ ދެއްކިއެވެ. ދެމީހުން އެތަނުން ހިނގައިގަތީ ވަރަށް ބޮޑަށް ލަސްވި ފަހުންނެވެ. އުނދޯލިން ފޭބުމާއި އެކު ޝިއާގެ އަތުގައި ޒައްޔާން ހިފިގޮތައް ހިނދުކޮޅަކަށް ވެސް އެއަތުން ދުލެއް ނުކޮށްލިއެވެ.
“ހޫމް ބުނީމެންނު ސުވާލު އެބަހުއްޓޭ..ކޮބާ؟” ޒައްޔާން އަހައިލިއެވެ.
“ސަޑެންލީ އަމް ކިއުރިއަސް އެބައުޓް ޔުއަރ ހޯލް ފެމެލީ..ކެންޔޫ ޓެލް؟” އެންމެ ފުރަތަމަ ޝިއާ އަހާ އޮޅުން ފިލުވަން ބޭނުންވި ކަންތަކާއި ބެހޭގޮތުން އެހިއެވެ. ޒައްޔާންގެ ނިތައް އެހިނދު ރޫތައް އަރައިގެންދިޔައެވެ. އެ ސުވާލުގެ ޖަވާބަކަށް ޒައްޔާން ވެސް ކޮށްލީ އިތުރު ސުވާލެކެވެ. އޭނާގެ އާއިލާއާއި ބެހޭގޮތުން ޝިއާއަށް ނޭނގޭ މައުލޫމާތެއް އޮންނާނެ ހެއްޔޭ އަހާލިއެވެ.
“އައި މީން އަޒްލާން.. ހޫ އިޒް ހީ؟ ހާދަ ޕަވާރފުލް.. އޭނަގެ ނަން އިވުނަސް ގޫޒްބަމްޕްސް ހަމަ.. އޭނައާއި ބެހޭގޮތުން އެނގުނު ހަމައެކަނި މައުލޫމާތަކީ އެއީ ޒައްޔާންގެ ކޮއްކޮކަން.. އަނެއްކާ އަބަދުވެސް މޫނު ފޮރުވައިގެން، ޒަބީގުބެ ބުނި އާއިލާގެ މީހަކަށް ވެސް އެންމެ ފަހުން އޭނާގެ މޫނު ފެނުނު ދުވަހެއް ބުނަން ވެސް ނޭނގެއޭ..” ޝިއާ ބުންޏެވެ.
“މްމްމް، އަޒްލާން ދޯ.. އެއީ އަހަރެންގެ ކާފައާއި މާމަގެ އެންމެ ހަގު ދަރިފުޅު.. މާމަމެން ތިބޭނީ.. އަހަރެންގެ މަންމަ ހަނާ، ހޫރައިން ދައްތަ، ޒަބީގުބެ ދެން ހުންނާނީ ރަޒަލް.. އޭނާއާއި ޖެހިގެން އަޒްލާން.. ކާފަގެ އެހެން ދަރިންނާއި އަޒްލާން ހުންނާނެ އޭޖް ގެޕް… އެއީ އެހެން މީހުން ބޮޑެތިވި ފަހުން ލިބުނު ކުއްޖެއް.. ޒަބީގްބެ ތެދެއް އެބުނީ.. އަހަރެން މީ އެންމެ ގާތްކޮން އާއިލާގެ ތެރޭގަ އޭނާއާއި އެއްކޮން އުޅޭ މީހަކީ.. އަހަންނަށް ވެސް އޭނާގެ ސިފަ ފެނުނީ މީގެ ހަތަރު އަހަރެއްހާ ދުވަސް ކުރިން… އެއީ އޭނަގެ އުމުރުން ސޯޅަ އަހަރު.. މިހާރު ވިހި އަހަރު ވެއްޖެ… އެއީ އަހަރެމެން އެންމެންގެ ކޮއްކޮ.. އެކަމަކު ބަލާލާފަ ހީވާނީ އެއީ އަހަރެމެންގެ އެންމެންގެ ބޭބެއޭ.. ހަހަހަ.. ކާފަ ވެސް ވަރަށް ޖެހިލުން ވާނެ އަމިއްލަ ދަރިއަކަށް ވިއަސް އަޒްލާން ދެކެ.. މިބުނީ އަބުއި، ރޯޔަލް ގޮތެއްވެސް ހުންނާނެ ދޯ.. ކޮންމެ ކޮންމެ މީހަކާއި ވާހަކައެއް ނުދައްކާނެ.. ކުޑަމިނުން ހީވެސް ނުލާނެ.. އެހެންވެ ހީވެދާނެ ފޮނިބޮޑީއޭ ވެސް ނޫނީ ކަންތައް ބޮޑީއޭ ވެސް.. އެކަމަކު އަހަރެންގެ މާމަ ކައިރީގަ ހީޒް އިޒް އަ ބޭބީ… އެއީ އެހެން މީހަކަށް ފެންނާނެ ސިފައެއްނޫން.. އެއީ އުޅޭ ކުއްޖެއްކަމެއް ވެސް ނޭނގޭނެ މީހުންނަކަށް.. މީހުންގެ ތެރެއަކަށް ނުނިކުންނާނެ.. އުޅޭނީ ރައްޓެހިންނާއިއެކު ގިނަ ވަގުތު.. ރައްޓެހިންނަށް ވެސް ޗޫޒްކޮށްގެން ގެންގުޅޭނީ އޭނަ ކަހަލަ ސިއްރުވެރި ކުދިން.. ޖެހިލުން ކުޑަކަމުގެ މިސާލެއް އެއީ ހަމަ..” އަޒްލާންގެ ވާހަކަ ޒައްޔާން ކިޔައިދެމުން ދިޔަ އިރު، ޝިއާ ކަނުލާ އަޑައަހަމުން ދިޔައެވެ. ޝިއާގެ މޫނުމަތިން ފެނިގެންދަނީ ޝައުގުވެރިކަމެވެ.
“އޯއެމްޖީ.. ހަމަ ރަނގަޅަށް ވެސް އަޒްލާންގެ ފޭސް ބަލާލާ ހިތްވެއްޖެ.. ހާދަ ރީއްޗޭ މާސްކް މަތިން އޭނަގެ ދެލޮލާއި އެހެރަ އިސްތަށިގަނޑުވެސް ފެންނަ ގޮތް.. އާހްހް ސޯ ހޮޓް” ޝިއާގެ ޖުމްލަތައް ހުއްޓުނީ އޭނާގެ އަތުން ޒައްޔާން ދޫކޮށްލުމުންނެވެ. އޭރު ޝިއާގެ މޫނަށް އޭނާ ބަލަހައްޓައިގެން ހުރީ ދެލޯ ހަނިކޮށްލައިގެން ޒާތަކަށް ހިނިއައިހެވެ.
“ޑިޑް ޔޫ ޖަސްޓް ފޮގެޓް، ހޫ އައި އޭމް؟ އައި މީން، އަދި މިއުޅެނީ ދެމީހުން ގުޅުނުތާ ގަޑި އިރެއް ވެސް ނުވެގެން… މިހާރު ބަލާ އަހަރެންގެ ފިރިހެން ކޮއްކޮއަށް ތައުރީފް ކުރާ ވަރު” ޒައްޔާން ތުންފިއްތާލިއެވެ.
“އޯހް މައި، ކޮންމެވެސް މީހަކު ވަރަށް ބޮޑަށް ޖެލަސް ވެއްޖެ… އޯހް ނޯ.. ދެން ކިހިނެތް ހަދާނީ” ލާނެތް ރާގަކަށް ޝިއާ ބުނެލިއެވެ. އެހިނދު ހިނިގަނޑެއް ޖަހާލާފައި ޝިއާގެ ގައިގާ ޒައްޔާން ބައްދާލިއެވެ.
“އަދި އެބަހުރި ތަ ސުވާލް؟” ޒައްޔާން އެހިއެވެ. ޝިއާ އާއެކޭ ބުނެ ބޯޖަހައިލިއެވެ.
“އައްމާރް އާއި އުވެއިތް؟ މި މީހުން؟”
“އުވެއިތް އެއީ ލިއަމްމެންގެ އާއިލާ.. އެންޑް ލިއަމްގެ ވަރަށް ގާތް ރައްޓެއްސެއް… އައްމާރު އެއީ ފެމެލީ ހަމަ.. ބުނީމެންނު އަހަރެންގެ އާއިލާ ވަރަށް ބޮޑުވާނެއޭ… އަދި ހުންނާނެ އިންޓްރޮޑިއުސް ކޮށްދެން ޖެހޭ ބައިވަރު މީހުން…މި އިންތިޒާރު ކުރެވެނީ ކައިވެންޏަށް މިހާރު.. އޭރުން އެންމެންނާއި ދިމާ ވާނެއެންނު.” ކައިވެނީގެ ވާހަކަ ޒައްޔާން ފެށުމުން ޝިއާ ލަދުގަންނަ ގޮތްވިއެވެ. ދެނޭ ކިޔާ ކުސްތަޅާލިއެވެ.
“ހޫމް ހެވޭ..އެނީވޭޒް ރޭގަ އާލިއާ އާއި ދިމާވި ހޮސްޕިޓަލުން.. ފުރަތަމަ ވެސް ދިމާކޮށްލި.. ކޮބާހޯ ބޭބެ..ހެހެހެ.. އަދިވެސް ރުއާ އަކަށް ނޭނގޭދޯ އާލިއާ އެއީ ޒައްޔަން ކޮއްކޮ ކަމެއް”
“ޔާހްހް ނޭނގޭނެ.. ރުއާ ވިހޭންސުރެން ކަހަލަ ގޮތަކަށް އެ ގެންގުޅެނީ އާއިލާއާއި ދުރުގަ.. ރުއާއަށް އެނގޭނެ ރުއާގެ މަންމަގެ އެއްބަނޑު އެއްބަފާ މީހުން.. އަހަރެންގެ މަންމައާއި ޒަބީގުބެއާއި ރަޒަލްއާއި އަޒްލާން އެނގޭނެ.. އެކަމަކު ބިލާލްގެ ސަބަބުން ދުރުގަ ހުންނަން މަޖުބޫރުވީ.. އެނގެއެންނު ދޯ އެކަންތައްގަނޑު.. ސޯ.. އެމީހުން އެނގުނަސް ރުއާއަށް ރުއާގެ ކަޒިންސްއެއް ނޭނގޭނެ.. އހަރެންގެ މަންމަ މަރާލައިގެން ރުއާ މެން މިކޮޅަށް އައެއްނު ރާއްޖޭ ގަ ތިބެފަ.. އޭރު ކިޑްނެޕް ކުރި އެންނު.. އެދުވަހު ސަހަރާ ތެރޭން އާލިއާއާއި ދިމާވާނެ.. އެކަމަކު ޝީ ޑަޒްންޓް ރިމެމްބަރ.. ވަރަށް ގިނަ ކަންތައްވެ.. މެމޮރީޒްއަށް އަސަރުކޮށް.. އެގޮތް މިގޮތްވެފަ ހުރި ކުއްޖެއް.. ސޯ އަހަރެންވެސް ބުނިން އާލިއާ ކައިރީގަ މަޑުކޮށްލާށޭ ނުބުނެ.. އެކަމަކު ދެން މިހާރު ރުއާގެ ފެމެލީއާއި ބައްދަލްވާން ޖެހޭ ވަގުތު އައިސްފަ މިއޮތީ” ޒައްޔާން ކިޔައިދިނެވެ. އެވާހަކަ ތައް އަޑުއަހަން ހުރެފައި ޝިއާ ލަސްލަހުން ބޯޖަހައިލިއެވެ. އިތުރަށް އަހާ އޮޅުން ފިލުވަން ބޭނުންވި ނަމަވެސް ހަނާގެ ނަން އެ ވާހަކައިގެ މެދު ތެރެއިން އައުމާއި އެކު ޒައްޔާންގެ އަޑަށް ވެރިވި މޮޅިވެރިކަން ޝިއާއަށް ނަގައިގަނެވުނެވެ. އެ މައުލޫ ދޫކޮށްލުމަށްފަހު ޒައްޔާންއާއި އެކު އެގެޔަށް ވަނުމަށް ހިނގައިގަތެވެ.
***
ރުއާނާއަށް ލަސްލަހުން ހުޅުވާލެވުނު ލޮލާއި އެކު ބަޔަކު އޭނާއާއި ވާހަކަ ދައްކަން ފެށިކަމުގެ އިހްސާސް ކުރެވުނެވެ. ނަމަވެސް ލޮލަށް ފުސްވެފައިވާވަރުން މާހައުލު ދެނެގަނެވޭގޮތެއް އަދި ނުވެއެވެ. އޮވެވުނީ ހޮސްޕިޓަލްގައިކަން އެނގުނީ، މާހައުލު ސާފުވެގެން އައި ހިނދު މަތިން ފެނުނީ އައިވީ ސްޓޭންޑުގެ ސަބަބުންނެވެ. އެކި މީހުންގެ އަޑުތައް އެއްފަހަރާ އައުމުން ޒާތަކައް ބޮލަށް ވެސް ހުރީ އުނދަގޫވެފައެވެ. އޭގެ ތެރޭގައި ދަންނަ އަޑުތަކާއި ނުދަންނަ އަޑުތައް ހިމެނެއެވެ.
“ދަރިފުޅާ.. މަންމަ ފެނޭތަ؟”އެންމެންގެ ތެރެއިން ވެސް ރުއާނާއަށް އެންމެ ފުރަތަމަ ވަކިވީ ހޫރައިންގެ އަޑެވެ. ވަށައިގެން ކަޅި ހިންގާލެވުނު އިރު އެނދުގެ ވަށައިގެން ދިހަ ވަރަކަށް މީހުން ތިއްބެވެ. ރުއާނާ އުޅުނީ ތެދުވަންނާށެވެ. ނަމަވެސް އެހިނދު ބޮލަށް އަރައިގެން ދިޔަ ތޫނު ތަދުން އަނގައިން އަޑެއްލައްވާލެވުނެވެ.
“އާހްހް” ބޮލުގައި އަތް އަޅައިގެން ރުއާނާއަށް ތިރިވެލެވުނެވެ. އެހެން އޮވެ ބިނދިފައި އޮތް އަތައް ކަޅިއެއް އެއްލިއެވެ. އެނދުން ތެދުވެ އިށީންދެލަން ބޭނުން ވީ ނަމަވެސް ހަށިގަނޑުގައި އެހާ ހަކަތަ ނެތުމުން ކާމިޔާބު ވާގޮތެއް ނުވިއެވެ. ބަނޑުގައި އަޅާފައިވާ ބޭސްމަލަންތައް އިޙްސާސްވުމުން ބަލައިލި އިރު އެހިސާބަށް ލިބުނު އަނިޔާ ތަކުގެ ސަބަބުން ވަނީ ފަހާފައެވެ. ބިނދިގެން ޕްލާސްޓަރ އަޅާފައި އޮތް އަތް އެއްވެސް ވަރަކަށް ގުޑުވާވެސް ނުލެވުނެވެ. ހީވަނީ ކޮނޑާއި އެކު އައްސިވެފައިވާހެންނެވެ.
ރާބިއު އާއި ހޫރައިންގެ އިތުރުން އިޒްވާއާއި އީތަންއާއި އާލިއާ އަދި ދެންތިބީ ޒަބީގްގެ އިތުރުން ލޫކްއާއި ކީވާން އަދި އަދްރެކްއެވެ. އެންމެންގެ މޫނުތަކުން ހިނިތުންވުން ފެނުނު އިރު ލޯތަކުގައި ބަބުޅަން ފެށީ އުފާވެރިކަމުގެ ތެތްކަމެވެ. އެންމެ ލޯބިވާ މީހުން ފެންނަން ތިބުމުން ރުއާނާގެ ލޯވެސް ތެމޭ ގޮތްވިއެވެ. އެންމެންގެ ތެރެއިން ވެސް ރުއާނާގެ ލޯ ހޯދަންފެށި އެންމެ ސޫރައެކެވެ. ލިއަމްގެ ސޫރައެވެ. ނަމަވެސް މީހެއްގެ ގާތު އަހާލާކަށް ވެސް ނުކެރުނެވެ. އެހެން އޮތްވާ އެތަނުން މީހުން މަދުކުރުމަށްފަހު އިޒްވާ އަވަސްވެގަތީ ރުއާނާގެ ހާލަތު ދެނެގަތުމަށެވެ. އީތަން އެކަނި ބެހެއްޓުމަށްފަހު އެހެން މީހުން ނެރުނީވެސް އެބަހަނާގައެވެ.
“ބޭބީ، ޔޫ އޯކޭ؟” އިޒްވާ ގާތްވެލާފައި ރުއާނާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލިއެވެ. ރުއާނާ ތުން ފިއްތާލަމުން ފެށީ ރޯށެވެ.
“އަމް ސޮރީ ގައިޒް، އަހަންނާއި ހެދި ތި ދެމީހުންގެ ބިގް ޑޭ ރުއިންޑް”އެހާ މަދު އިރުކޮޅެއްގެ ތެރޭގައި ރުއާނާގެ މޫނަށް ރުއިމުގެ ސަބަބުން ރަތްކަން ވެރިވެއްޖެއެވެ.
“ދެން ރުއާ ކިޔާ އެއްޗިހި.. ނޯ ވޭ.. އަހަންނޭ ސޮރީ ބުނަން ޖެހޭނީ.. ބަލާބަލަ މިކުއްޖާއަށް ވެފަ އޮތް ގޮތް..”ރުއާނާ ރޯން ފެށުމުން އިޒްވާއަށް ވެސް ރޮވިއްޖެއެވެ. ދެ އަންހެން ކުދިން އެކަކު އަނެއްކަކުގެ ގާތުން މާފަށް އެދިއެދިފައި ރޮމުން ދިޔަ ގޮތް ފެނި ނުހޭން މަސައްކަތް ކުރަމުން ދަނިކޮން ވެސް އީތަން އަށް ހެވިއްޖެއެވެ. ނަމަވެސް ހުނުންގަނޑު އެތެރެއަށް ހިންދާލަން މަޖުބޫރުވީ ރޯން އިނދެފައިވެސް އިޒްވާ ދެލޯ އަޅާލިގޮތް ފެނިއެވެ. އިޒްވާ އުޅުން ހުރި ގޮތުން ރުއާނާގެ ހާލަތު ހުރިގޮތް ބަލަން އުޅޭހެންނެއް ހިއެއް ނުވެއެވެ. ދެ އަންހެން ކުދިން ރޯލަން ފުރުސަތު ދީފައި އީތަންގެ ކަރުގައި އަޅުވާފައި އޮތް ސްޓެތޯ ހެއޮވަރުކޮށްލަމުން އެނދުގެ ލެނގޭ ބައި ކުޑަކޮން މައްޗަށް ޖައްސާލާ ރުއާނާ ތެދުކޮށްލިއެވެ. އަދި ކަށިގަނޑު ރުއާނާގެ މޭގައި ޖައްސާލަމުން އީތަންގެ ޒިންމާއާއިގެން މަސައްކަތް ފެށިއެވެ. ދެމީހުން ރޯވަރުން އޭނައަށް ރަނގަޅަށް ރުއާނާއަކަށް ސަމާލުކަމެއް ވެސް ނުދެވުނެވެ. ދެތިންފަހަރު ދެމީހުންނަށް ގޮވާވެސް ލައިފިއެވެ.
“ވަރަށް ތަދުވިތަ؟ އަޅެ އަހަންނަށް އެމީހާގަނޑު މަރަން ދެވުނު ނަމަ ކޮންފަދަ.. ނުބައި ނުލަފާކަށް” ރޮމުން ރޮމުން އިޒްވާ ވާހަކަ ދެއްކިއެވެ. އެންމެފަހުން އީތަންގެ މަސައްކަތް ކުރިއަށް ނުގޮސްގެން އިޒްވާއަށް ގޮވާލެވުނެވެ.
“އިޒީ، ރުއިން ހުއްޓަން ވީ އިނގޭ، މިމަސައްކަތް ނިމެންދެން.. ނޫނީ ހަމަ ބޭރަށް ނެރޭނީ” އީތަންގެ އަޑުން ތަންކޮޅެއް ބާރަށް ބުނެގެން ދެމީހުން ތަންކޮޅެއް މަޑުޖެހިއްޖެއެވެ.
“އީތަން އަށް ނޭނގުނަސް ދެން ހާދަ ދުވަހަކަށް ފަހު އޭ.. އަދި މިއުޅެނީ ޕްރެގް ވާހަކަ ވެސް-”
“އޭ ކާކު ޕްރެގް އީ؟” ރުއާނާއަށް އެހުނެވެ. އެހިނދު ރުއިމުގެ ތެރެއިން އިޒްވާ އަމިއްލަ ބަނޑުގައި އަތް ޖައްސާލިއެވެ. އެހިނދު ރުއާނާގެ ދެލޯ ބޮޑުވިއެވެ. އުފާވެރިކަމުގެ ހަޅޭކެއް ބޭރުކޮށްލެވުނެވެ.
އީތަންއަށް ދެފަރާތައް ބޯ ހޫރުވާލެވުނެވެ. އޭނާގެ މަސައްކަތް ވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އެންމެފަހުން ސްޓެތޯ ނަގާ ރުއާނާގެ އެނދުމަތީގައި ބާއްވާފައި އޭނާ ގޮސް އިށީނީ ދުރުގައި ހުރި ގޮނޑީގައެވެ. ހަށަމް ބަނދެލައިގެން ދެމީހުން އުލެމުން ދިޔަގޮތް ބަލަން އިނދެ ދެފަރާތައް ބޯހޫރުވާލެވުނެެ.
“ދެމީހުން ބައްދާ ނިމުނީމަ އަންގާލަ.. އެކަމަކު ދެމީހުން ދެމީހަށް ބަލާލައިގެން އުޅޭތި” އީތަން ގޮވާލިއެވެ. ނަމަވެސް އިޒްވާއާއި ރުއާނާއަށް އެއަޑު އިވުނު ހެނެއް ހިއެއް ނުވެއެވެ. އޭނާ އެތާގައި ބައިގަޑި އިރު މަޑުކޮށްގެން އިންނަން ޖެހުނެވެ. ދެމީހުންގެ ވާހަކަ ނުހުއްޓުމުން އަނެއްކާ ވެސްގޮސް ރުއާނާގެ ހާލަތު ބަލަން އުޅުނެވެ. މިފަހަރު އިޒްވާ ވެސް ދުރަށް ޖެހިގެން ހުއްޓެވެ.
“ޔޫ ނީޑް އަލޮޓްސް އޮފް ރެސްޓް.. މި އަތް ބޭނުމެއް ނުކުރެވޭނެ އިނގޭ އެހާ އަވަހަކަށް” އީތަން ވާހަކަ ދެއްކިއެވެ.
“ގައިޒް ، ކިތައް ދުވަސް ވެއްޖެ އަހަރެން މިތާގަ އޮންނަތާ؟”
“އަދި ދޯ އެ ސުވާލު ވެސް ތި ކޮށްލެވޭ ވަރުވީ” ރުއާނާގެ ސުވާލުން އީތަންއަށް ހެވޭ ގޮތް ވިއެވެ.
“ތިން ދުވަސް ވެއްޖެ.. އެނގޭތަ ދޮންބެ، ހަމަ ރަނގަޅަށް ވެސް މޮޔަވެފަ… މި ތިން ދުވަހު ހަމަ ތަސްބީހަ އެއް ހެން .. ރުއާ އޯކޭ ވާނެ ދޯ.. ރުއާ އޯކޭ ވާނެ ދޯ.. ނުވެސް ނިދާ.. ނުވެސް ކައި.. މި ރޫމް ތެރޭގަ ހަމަ އިންނާނީ.. އެހެން އުޅެ އުޅެފަ ދެންމެ އެދިޔައީ އަދްރެކްއާ އެއްކޮން ބޭރަށް.. އެދިޔަ ވަގުތު ރުއާ ހޭ އެރީ” އީތަން ކިޔައިދިނެވެ. ލިއަމްގެ ވާހަކަ ނާހާ އިންނަމަވެސް ލިއަމްގެ ހަބަރެއް އެނގެން ބޭނުންވެފަ ހުންނަތާ ކިތަންމެ އިރެއް ވެއްޖެއެވެ. ލިއަމްއާއި ބެހޭގޮތުން އީތަން އޮޅުން ފިލުވައި ދިނުމާއި އެކު ހީވީ އެހުރިހާ އިރު ނުލާ ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލެވުނު ހެންނެވެ.
އިޒްވާއާއި އީތަން ނުކުމެގެން ދިޔައީ ރާބިއު އާއި ހޫރައިން އެތެރެއަށް ވަނުމުންނެވެ. މަންމައާއި ބައްޕަ އެކުގައި ފެނުމުން ރުއާނާގެ މޫނުން ފެނިލީ ލޯބިވެތި ހިނިތުންވުމެކެވެ. އެ މަންޒަރުން އެކަނިވެސް އޭނާއަށް ލިބިފައިވި ހުރިހާ އަނިޔާއެއްގެ މަތިން ހަނދާންނެތުނެވެ. ދެމީހުން ދެފަރާތުގައި ތިއްބެވެ. ހޫރައިން މަޑުމަޑުން ރުއާނާގެ ބޮލުގައި ފިރުމާލަ ފިރުމާލަ ހުއްޓެވެ .
“ދަރިފުޅާ އެހާ އަވަހަށް ދެން މަސައްކަތައް ނުވާނެ ނުކުމެގެންނެއް.. އެއްކޮން ފިޓުވީމަ ދެން ހޮސްޕިޓަލަށް ނުކުންނާނީ” ރާބިއު ބުނެލިއެވެ.
”ތިއީ އޮތް ގޮތަކީ ދެން.. ބައްޕާ، މިތާގަ އޮވެގެން އިތުރަށް ބަލިބޮޑުވާނީ.. ކެންޔޫ ޓޯކް އެމީހުންނާ؟ އަހަރެން ޑިސްޗާޖްކުރުމާއި ބެހޭގޮތުން؟”
“ނޯވޭ، ދައްކާ ވާހަކަ.. ހިނގާ ނުލެވޭ އިރުވެސް އެހެރީ މިކުއްޖާ ކިޔާ އެއްޗިހި.. “ރުއާނާއަށް ޖަވާބު ދިނީ ހޫރައިންއެވެ. ރާބިއު ވެސް ހުރީ ހޫރައިންއާއި އެއްކޮޅަށެވެ. އެކަމާއި ބެހޭގޮތުން ވާހަކަ ނުދެއްކޭނެ ކަން ޔަގީންވުމުން ރުއާނާ ވަގުތުން ތުން ދަމާލިއެވެ.
“ދަރިފުޅު ހޭ އެރި ހަބަރު ލިބިގެން އިޒާން އާއި ޒީވާ ވެސް އެބަތި ދެކިލަން އައިސް.. ގޮވަން ވީތަ؟” ހޫރައިން ހީލައިގެން ހުރެ ރުއާނާ ކުރެން އަހާލިއެވެ. ލިއަމްގެ މަންމައާއި ބައްޕަގެ ވާހަކަ ބުނުމުން ރުއާނާ ހިސާބަކަށް ފިނިވިއެވެ. ނަމަވެސް ބޯޖަހައިލިއެވެ.
”ލިއަމްގެ ވާހަކަ ނާހަންތަ ތިހުންނަނީ؟ ލިއަމް ވެސް އެބަހުއްޓޭ” ރުއާނާގެ މޫނަށް ބަލަން ހުރެ ދިމާ ކުރާފަދަ ގޮތަކަށް ރާބިއު ބުނެލިއެވެ. އެހިނދު ރުއާނާގެ މޫނަށް ވެރިވި ރަތް ކުލަ ފެނި ރާބިއު ގާތައް ހިނިއަންނަ ގޮތްވިއެވެ. ހޫރައިން ވެސް ހީލައިގެން ހުރެފައި ނިތް އަރުވާލިއެވެ.
“މަންމައާއި ބައްޕަ ވެސް ދޯ.. އޯކޭ އޭ ކޮންމެ މީހަކު ގެނަޔަސް” ލަދުން އިނދެވެސް ރުއާނާ ބުނެލިއެވެ. ރާބިއު ހެމުން ހެމުން ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރުގައި ތިބި މީހުންނަށް ގޮވާލިއެވެ. ނުދަންނަ ދެމީހަކާއި އެކު އަދްރެކްއާއި ލިއަމް އެތެރެއަށް ވަނެވެ. މީހަކު ނުބުނެ ދިންނަމަވެސް އެއީ އިޒާންއާއި ޒީވާކަން ނަގައިގަނެވުނެވެ. ލަދުން އިނދެ ވެސް ރުއާނާ ހީލިއެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެނިގެންދަނީ ހިތްހެޔޮ ލޯބިވެތި ހިނިތުންވުމެކެވެ.
“ކިހިނެތް މިހާރު” ފުރަތަމަ ވެސް ވާހަކަ ދެއްކީ އިޒާންއެވެ. އިރުކޮޅަކު ޖަވާބެއް ނުދެވި އިނދެފައި ރުއާނާ ވާހަކަ ދެއްކިއެވެ.
“އަލްހަމްދުލިއްލާހް، މިހާރު ރަނގަޅު” ރުއާނާ ހީލިއެވެ. އިޒާން އިތުރަށް ވެސް ވާހަކަ ދެއްކިއެވެ. މުޅިންވެސް ރުއާނާގެ ހާލަތާއި ބެހޭގޮތުންނެވެ. އޭނާއަށް ފަހު ޒީވާ ވެސް ވާހަކަ ދެއްކިއެވެ. އެއިން އެއްވެސް މީހަކު ހިނގާދިޔަ ކަންތައްގަނޑުގެ ވާހަކަ ނުދެއްކުމުން ރުއާނާއަށް ހިތްހަމަ ޖެހެވުނެވެ. އެހާ އަވަހަށް އެވާހަކަ ދައްކާކަށް އަދި އޭނާ ބޭނުމެއް ނޫނެވެ. ބިލާލްގެ ފުށުން ލިބުނު އަނިޔާތަކައް ފަހު އޭނާގެ ސިކުނޑި އަދި ތައްޔާރެއް ނުނެވެ.
“މާޝާﷲ ލޯބިކުއްޖެއް.. އަބަދުވެސް ހާދަ ބައްދަލުކޮށްލަން ބޭނުންވާ ކުއްޖެކޭ މިއީ.. އަދި ކިރިޔާ މި ބައްދަލުވީ” ރުއާނާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލަމުން ޒީވާ ވާހަކަ ދައްކަމުން ދިޔައެވެ. މީހަކު ތައުރީފް ކުރަންޏާ އަބަދުވެސް ރުއާނާ ލަދުގަނެއެވެ. މިފަހަރު ވެސް ލަދުން އިން ވަރުން ހީލުން ފިޔަވާ އިތުރު ބަހެއް ނުބުނެވުނެވެ.
އެހެން ހުރެފައި ވެސް ރުއާނާއަށް ބަލައިލެވުނީ ލިއަމްއަށެވެ. އެހުރިހާ ހާއިރު ލިއަމްގެ ކަޅި ހުރީ އޭނާގެ މޫނަށްކަން އެނގުނު ނަމަވެސް އިޒާންއާއި ޒީވާ ތިބުމުން ރުއާނާ އިނީ އޭނާގެ ފުރިހަމަ ސަމާލުކަން އެމީހުންނަށް ދީގެންނެވެ. އެދެލޮލުން އެކަނިވެސް ރުއާނާއާއި ވަކިން ބައްދަލުކޮށްލަން ބޭނުންވެފައިވާވަރު ހާމަވެއެވެ. ހުދު ރުއާނާ ވެސް އިނީ ލިއަމްއާއި ވާހަކަ ދައްކަން ބޭނުން ވެފައެވެ.
****
އީތަން ހޮސްޕިޓަލުން ނުކުމަތް ހިނދު މާ ދުރުނޫން ހިސާބެއްގައި ހުރި އަޒްލާން ފެނުނެވެ. ލައިގެން ހުރި ކޯޓުގެ ޖީބަށް އަތް ޖަހައިލައިގެން އީތަން އެދިމާލަށް މިސްރާބު ޖެހިއެވެ.
ކަޅުކުލައިގެ ހޫޑީ އެއްގައި ހުރިއިރު އިރު އޭގެ ހުޑު ބޮލަށް ވައްޓާލައިގެން އޮތެވެ. އަޅާފައިވާ މާސްކުން މޫނުގެ ބޮޑުބައި އޮތީ ފޮރުވިފައެވެ. ކަޅުކުލައިގެ އިސްތަށިގަނޑު އޮތީ ތަރުތީބެއް ގޮތަކަށް ހޭވިފައެވެ. ހަމައެކަނި ފެންނަނީ އޭނާގެ ކަޅުކަންގަދަ ދެލޮލެވެ. ހުޑު ތެރެއިން ނިތްމައްޗަށް ފައިބާފައިވާ އިސްތަށިތަކުން އިތުރަށް އޭނާގެ ދެލޯ ނުހަނު ސިއްރުވެރިއެވެ.
“ހަބަރެއްވިތަ؟” އީތަން އަރާހަމަވެފައި ފުރަތަމަ ވެސް އަހައިލިއެވެ. އަޒްލާންގެ މޫނު ނުފެނުނު ނަމަވެސް، އީތަންގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ދެފަރާތައް ބޯހުރުވާލި ހިނދު އޭނާގެ ދެލޮލުން ކޮންމެވެސް ވަރަކަށް މާޔޫސްކަމެއް ފެނެއެވެ.
***
“ހަމަ ނުވޭތަ ހަބަރެއް؟” އީތަންއާއި ބައްދަލު ކުރުމަށްފަހު އެނބުރި ގޭތެރެއަށް ވަދެގެން އައި އަޒްލާން ފެނި ޒާހީ އަހާލިއެވެ. އަޒްލާން ބޯޖަހައިލިއެވެ.
ކެނޑި ނޭޅީ ބިލާލް ހޯދަމުންދާތާ ހަފްތާއެއް ވެގެން ދިޔައިރު ވެސް ކާމިޔާބީގެ ކޮޅުމައްޗެއް ނުފެނެއެވެ. މިރެއިލްއާއި ޒާހީ އަދި އަލާނިއަލްއާއި ޔަޒަކް ގުޅިގެން ހުރިޙާ މީހުންގެ މީހުން ނެރެގެން ވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. ބިލާލް ފިލައިގެން ދިޔަ ހަބަރު އަޒްލާން ދިން ނަމަވެސް، ބިލާލް ދަމުން ދީފައި ދިޔަ އިންޒާރުގެ ވާހަކަ އަޒްލާން އެކަކު ގާތު ވެސް ނުބުނެއެވެ. އީތަން ހުއްޓާ ބިލާލް އެހެން ބުނުމުން އީތަން ގާތުގައި ވެސް އަޒްލާން އެކަން ސިއްރުކޮށްދިނުމަށް އެދުނެވެ. ނަމަވެސް އިޒާންއަށް އެ ހަބަރު ދިން ކަމަށް ދެންމެ އީތަން ވަނީ ބުނެފައެވެ. އޭނާ ކަންބޮޑުވުމުން އީތަން ވަނީ އެ ވާހަކަ އިޒާންގެ ފަރާތުން ބޭރުނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ. އެކަމުން އޭނާއަށް ހަމަޖެހުމެއް ލިބުނެވެ.
އަޒްލާންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވަނީ އޭނާއަށް ކަމެއް ވެދާނެކަމަކަށް ނޫނެވެ. ނަމަވެސް އަނެއްކާ ވެސް ގޮސް ހޫރައިންއަށް ނުވަތަ ރުއާނާއަށް ކަމެއް ކޮށްފާނެ ކަމުގައި ހީވެފައެވެ. ނިއަލް މަރާލުމުން އޭގެ ބަދަލު ހިފަން ބިލާލް އަންނާނެކަން އަޒްލާންގެ ހިތް ބުނެއެވެ.
****
(ނުނިމޭ)

6 ހިޔާލު

  1. Anonymous
    23:06 ⁧⁦27/5/2026⁩⁩

    I honestly want a book of Azlaan i think the new books gonna be about him. BTW Rua and Liam are so cute

  2. Azlaan lover
    13:13 ⁧⁦28/5/2026⁩⁩

    Alheyyyssss..S3 ge main akii azlaan dhw.. like azlaan VS bilaal..soo exciting.. btw vrh furihama vaahaka . Waiting for next ep

  3. Dheeena
    16:37 ⁧⁦28/5/2026⁩⁩

    Ahhh azlan💘
    Can anyone kill all of them but keep azlan
    And i love him
    I love himmmmm

    Soooooooooo goood❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  4. Futtaki
    15:37 ⁧⁦2/6/2026⁩⁩

    When next?????

  5. Anonymous
    19:18 ⁧⁦4/6/2026⁩⁩

    There is gonna be a S3???????
    Anyways when next????

  6. I
    19:18 ⁧⁦4/6/2026⁩⁩

    There is gonna be a S3???????
    Anyways when next????

ކިޔުންތެރިންގެ ހިޔާލު