“ނޫނޭ.. ލިއަމްގެ ބައްޕަ އޮތްތައް އެނގުނީ އެންނު.. ދެން ބޭނުންވަނީ އުނދަގޫ ވިޔަސް ނެރެގެން ދާން” ރުއާނާ ވަގުތުން ބުނެލިއެވެ. އެހިނދު މިސްވާ ހީލީއެވެ.
“ހަމަ ތިހެން ބުނަން މިއުޅެނީ.. އެމީހުން އެއަންނަނީ ރާބިއު އާއި ހޫރައިން ގޮވައިގެން.. ހިނގާ އިޒާން ފެނޭތޯ” މިސްވާ ބުނެލިއެވެ. ރުއާނާ ބޯޖަހައިލަމުން އިސްތަށިގަނޑުގެ ފަހަތައް ވައްޓާލާފައި އޮތް ހުޑު ނަގާ ބޮލުގައި އަލުވާލާ ރަނގަޅަށް މޫނު ފޮރުވާލިއެވެ. ނަމަވެސް ސިހުނީ އައި ނައި ގޮތެއް އޭނާގެ ކުރިމައްޗަށް ހުއްޓުނު ދަރަކް ފެނިއެވެ. އޭނާ ފުރަތަމަ ވެސް ރުއާނާގެ ބޮލުގައި އެޅުވިފައި އޮތް ހުޑު ނަގާ ދުރަށް ހޫރުވާލީއެވެ. ސިހުނު ވަރުން ރުއާނާގެ އަނގައިން ނުކުތީ ތޫލި ހަޅޭކެއްގެ އަޑެވެ. ރުއާނާއަށް ވެގެން ދިޔަ ގޮތުން އޭނާ ވެރިކޮށްލީ ވިހަ ހިނިތުންވުމެކެވެ.
****
“ދަ..ރަ..ކް” ރުއާނާގެ އަޑު ބޭރުވީ ފުރޭނިގެން ފަދަ ގޮތަކަށެވެ.
ދަރަކްއާއި ހަތަރުކަޅި ހަމަވި ވަގުތު މުޅި ކުއްޖާ އަށް ފާޑަކަށް ހުއްޓުން އަރައިގެން ދިޔައެވެ. ހިތުގެ ތެޅުން އަވަސްވެ، ނޭވާ ކުރުވަމުން ދިޔަ ވަގުތު، އިތުރު ކަމެއް ކުރާނެ ފުރުސަތު ލިބުމުގެ ކުރިން، ނިއަލްގެ އަނިޔާވެރި ފާރަވެރިން ބަނޑުހައިވެފައިވާ މިނިކާވަގުތަކެއް ފަދައިން ރުއާނާއާއި މިސްވާގެ ވަށައިލިއެވެ. ގަނެފައިވާ ބިރު ދެގުނަވެގެން ދިޔައެވެ. މުޅި މާހައުލަށް ވެރިވެފައިވާ ބިރުވެރިކަން ދެގުނަވެ، ހިތް ހުއްޓޭވަރުވިއެވެ. އެ ނުލަފާ މީހުންގެ ވަކިތަކުގެ ދަށުނުވެ، ސަލާމަތުގެ އައްސޭރިއަކަށް ދެވޭތޯ ރުއާނާގެ ހިތުގެ އަޑިން ކެނޑިނޭޅި ދުއާ ކުރެވެމުން ދިޔައެވެ. އުންމީދުގެ ކުޑަވެސް މިންވަރެއް ފެނޭތޯ އޭނާ ކަންބޮޑުވުމާއެކު މިސްވާއަށް ބަލައިލިއެވެ. އޭރު މިސްވާގެ ދެލޮލުންވެސް ފެންނަމުންދިޔައީ ބިރުވެރިކަމުގެ ނިޝާންތަކެވެ. ނަމަވެސް، ހިތްވަރު އެއްކޮށްލަމުން މިސްވާ މަޑުމަޑުން ރުއާނާއާ ގާތަށް ޖެހިލައި، އޭނާގެ ފިނިވެފައިވާ ދެއަތުގައި ބާރަށް ހިފާލިއެވެ. އެއީ އެކަކު އަނެކަކަށް ދެވުނު ހިމާޔަތުގެ ސިގްނަލެއް ފަދައެވެ.
“ލިބިފައިވާ އެއްވެސް ބާރެއްގެ ބޭނުން ހިފަން އެނގޭނެތަ؟” މިސްވާ ސިއްރުސިއްރުން އަހައިލިއެވެ. އެ އަޑު އިވުނީ ހަމައެކަނި ރުއާނާގެ ކަންފަތަށެވެ. އެ ސުވާލު ކުރި އިރުވެސް މިސްވާގެ ތޫނު ނަޒަރު ހުރީ އެމީހުން ވަށާލައިގެން ތިބި ފާރަވެރިންގެ ހަރަކާތްތަކަށް ހުއްޓިފައެވެ. އޭނާ ހުރީ ކޮންމެ ފަދަ ވަގުތެއްގައިވެސް ކުރިމަތިވެދާނެ ހަމަލާއަކަށް ތައްޔާރުވެގެންނެވެ.
ރުއާނާ މާޔޫސްކަމާއެކު ދެފަރާތަށް ބޯހޫރުވާލީ، އަމިއްލަ ނަފުސަށް އޮތް އިތުބާރު ކުޑަވެފައިވާ މިންވަރުންނެވެ. ލިއަމް، އޭނާއަށް އެ ބާރުތަކުގެ ސިއްރުތަކާއި، އަމިއްލަ ދިފާޢުގައި އެ ބާރުތައް ބޭނުންކުރާނެ ގޮތް އުނގަންނައިދޭން އުޅުނު ހަނދާންތައް އައުވުމުން، ރުއާނާގެ ހިތަށް ބާރު ބޮޑުވެ، ރޮވޭގޮތްވިއެވެ. ލިއަމް ކިހާ އާދޭހެއް ކުރިހެއްޔެވެ؟ ނުރައްކާތެރި ވަގުތެއްގައި އަމިއްލަ ފުރާނަ ސަލާމަތްކުރަން ދަސްކުރުމަށް އޭނާ ކިތައް ފަހަރު ބާރުއެޅި ހެއްޔެވެ؟ ނަމަވެސް، ބާރުތައް އުނގަންނައި ދީފި ނަމަ އޭނާގެ އާއިލާއަށް ނިއަލްގެ އަނިޔާވެރިކަން ދައްކާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ވުމުން، އެ ބިރުވެރިކަމާއި ހުރެ ރުއާނާ އެކަންކަން ފަސްކުރަމުން ދިޔައީއެވެ. އެމީހުންގެ އަތް ދޮށުގައި ހޫރައިން ހުއްޓަ އެފަދަ ކަމެއް ކުރުން ބުއްދިވެރި ނޫންކަމަށް، ފަހުން ވެސް އޭނާއަށް ވިސްނުނީއެވެ. މިއަދު އެކަމުގެ ހިތި ނަތީޖާ އޭނާގެ ކުރިމައްޗަށް މިވަނީ ފާޅުވެފައެވެ. ލިއަމްގެ މަތިން ހަނދާންވުމުން، ހިފެހެއްޓުމެއް ނެތް ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. މާޔޫސްކަމާއި ބިރުވެރިކަމުގެ ސަބަބުން މުޅި ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ.
“ރުއާ، ބަލިކަށި ނުވޭ! ބައްޕަމެން މިހާރު އެ ތިބީ އަންނަން ގާތްވެފައި. އެމީހުން އަންނަންދެން އަހަރެމެން މި ފާރަވެރިންގެ ވަކިތަކުން ސަލާމަތްވެ ތިބެންވާނެ. ﷲއަށް ވަކީލުކުރޭ، އިންޝާﷲ އެކަލާނގެ އަހަރެމެންނަށް މަގުދައްކަވާނެ. އަހަރެމެންނަކީ އީމާންތެރި މުސްލިމުން، އުންމީދު ކަނޑާލުމަކީ އަހަރެމެންގެ ސިފައެއް ނޫން. ދައްތަ މިބުނާހެން ކަންތައް ކުރޭ… ފުން ނޭވާއެއް ލާ!” މިސްވާގެ އަޑުގައި ވަނީ ނުގުޑާ ފަދަ ސާބިތުކަމެކެވެ. އޭނާ ކެނޑިނޭޅި ރުއާނާއަށް ހިތްވަރު ދެމުން ދިޔައެވެ.
ފަޒާގެ ތެރެއިން ފައިބަމުންދިޔަ ހުދު ކަފަކޮޅުތަކެއް ފަދަ ފިނި ސްނޯތައް، ރުއާނާގެ ކޮނޑުގައި ބޮސްދެމުން ދިޔައީ މުޅި މާހައުލަށް ވެރިވެފައިވާ ނުތަނަވަސްކަމަށް ފަރުވާލެއް ނެތް ފަދައިންނެވެ. ނަމަވެސް އެ ފިނިކަމުގެ ފަހަތުގައި ވަނީ ބިރުވެރި ހަނގުރާމައެއްގެ ބަރު އިންތިޒާރެވެ. ވަށައިގެން އުފެދެމުންދިޔަ ހަލަބޮލިކަމުން ވެސް ހީވަނީ ބޮޑު ތޫފާނެއްގެ އިންޒާރު ދެނީ ހެންނެވެ. ދަރަކްގޮވާލުމުން އެހެން މީހުން އޭނާއާއި މިސްވާގެ ގާތައް ޖެހެމުން ދިޔައެވެ. އޭރު މިސްވާ، އޭނާގެ މަސައްކަތް ފަށައިފިއެވެ. އެކަމުގައި އުޅެމުން ވެސް ރުއާނާއަށް އިރުޝާދު ދެމުން ދިޔައެވެ.
“ފުން ނޭވާއަކަށް ފަހު ދެލޯ މަރާލާ… ހަށިގަނޑުގެ އެތެރެއިން އުފެދޭ ހޫނު އާވި އިހްސާސް ކުރޭ. އެ ހަކަތައިގެ ބޭނުން ހިފަން މަސައްކަތް ކުރޭ. ވަގުތެއް ނެތް!” އެވަރަށް ބުނެދީފައި މިސްވާ ދެލޯ މަރާލިއެވެ.
ދެއަތް މައްޗަށް ހިއްލާލައިގެން ހުރެ މަޑުމަޑުން ނުދަންނަ ބަހުރުވައަކުން އެއްޗެއް ކިޔަންފެށިއެވެ. އިރުކޮޅެއް ނުވަނީސް ޖެހެމުން ދިޔަ ހިމޭން ވައިރޯޅިތައް ގަދަ ވާން ފެށިއެވެ. އެވަޔަށް ކެތް ނުވެގެން މިސްވާގެ ކަރުގައި ދޫކޮށް އޮޅާލާފައި އޮތް ސުނާފް ސޮހިގެން ގޮސް ފަޒާގެ ތެރެއަށް އަރައިގެން ދިޔައެވެ. މިސްވާ ކިޔަމުން ދިޔަ އެއްޗިހި ވެސް ބާރު ކޮށްލިއެވެ. އެއާއިއެކު ދެން ފެނުނީ ރުއާނާއާއި މިސްވާގެ ވަށައިގެން ދެތިން ފޫޓެއްހާ ދުރުން، ވަށް ބުރެއް ހެން އަލިފާނުން ރޮނގެއް ކުރެހުން އެޅިގެން ދިޔަ މަންޒަރެވެ. މިސްވާ ދެލޯހުޅުވާލީ އަލިފާންގަނޑު އެމީހުންގެ އިސްކޮޅަށް މައްޗަށް ދެމުމުންނެވެ. އަލިފާންގަނޑާއި އެމީހުންގެ ވަށައިގެން ވެސް ފުދޭވަރަކަށް ދުރުމިން ހުރުމިން އެއިން މާބޮޑަކަށް ހޫނެއްގެ އަސަރެއް ނުކުރެއެވެ. މިސްވާ ދެލޯ ހުޅުވާލި އިރު ސާފު ރަތް ކުލައިން ދެކަޅި ދިޔައީ ވަދަމުންނެވެ.
“ހަހަހަ… ކަލޭމެން ތި ހީކުރަނީ ތިކަހަލަ އަލިފާނުގެ ވަށަބުރެއްގެ ތެރޭގައި ފިލާ ތިބެގެން އަހަރެމެން ބަލިކޮށްލެވޭނެ ކަމަށްތަ؟ ތި އަލިފާންގަނޑަކީ އަހަރެމެންގެ މަގަށް އެޅިފައިވާ ހުރަހެއް ކަމަށް ހީވަނީތަ؟” ދަރަކްގެ ފަހަތުން ނުކުމެ، ބިލާލްގެ ބާރު ހިނިގަނޑުގެ އަޑު މުޅި މާހައުލުގައި ގުގުމައިގަތެވެ. “ނޫނޭ މިސްވާ! ކަލޭ ކަހަލަ އާދައިގެ ނިކަމެއްޗަކާ ކުރިމަތިލުމަކީ އަހަންނަށް ފެންފޮދެއް ބޯލުން ފަދަ އާދައިގެ ކަމެއް!” ބިލާލްގެ ދެލޮލުން ފެންނަނީ ނުރައްކާތެރި ވިދުވަރެކެވެ. އަދި މަކަރުވެރިކަމާއި ގަދަފަދަ އިންޒާރެވެ.
ބިލާލްގެ ނަޒަރު ދެން އަމާޒުކޮށްލީ ރުއާނާއަށެވެ. “ރުއާނާ! ކަލޭ މާ މައިތިރިވެފަ ހުންނާނެ ކަމެއް ނެތް، ތިކުރި ކަންތަކުގެ ހިތި ނަތީޖާއާ ކުރިމަތިލާން ތައްޔާރުވޭ!. މިއަދު ރަނގަޅަށް ވެސް އޭގެ ހިތި ރަހަ ކަލޭގެ އަރުގަ ލައްވާލަ ދޭނަން! ދަރަކްއާ ގާތް ގުޅުމެއް އުފައްދައިގެން ކަލޭ ތި ކުޅުނު މަކަރުވެރި ކުޅިގަނޑު އަހަންނަށް އެންމެ ފުރަތަމަ ދުވަހުވެސް ފަހުމްވި. ހަނދާންކުރާތި! މިއަދު ކަލެއަށް ސަލާމަތުގެ އައްސޭރިއަށް ދެވޭނެ ކަމަށް ހީވެސް ނުކުރާތި! ހޫރައިން ވެސް މަރާލާނަން ، ކަލޭ ވެސް މަރާލާނަން!” ބިލާލް މެދުކެނޑުމެއްނެތީ ދިޔައީ އިންޒާރަކަށް ފަހު އިންޒާރެއް ރުއާނާއަށް ދެމުންނެވެ.
ވާހަކަ ދައްކަމުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ގޮސް، ބިލާލް ހުއްޓިލީ އަލިފާނުގެ ވަށްބުރާއި ދާދި ގާތުގައެވެ. އޭނާ ހުރީ މިސްވާއާ ސީދާ ކުރިމަތިލައިގެންނެވެ. ރުއާނާ އިސްޖަހައިގެން ހުރުމުގެ ސަބަބުން، އޭނާގެ ހަށިގަނޑަށް އަންނަމުންދިޔަ އާދަޔާ ހިލާފު ބަދަލުތަކެއް ބިލާލަކަށް ފާހަގައެއް ނުވިއެވެ. ބިލާލް ދެއަތް އުފުލައިލަމުން ދެލޯ މަރައި ފިއްތައިލިއެވެ. ހިނދުކޮޅަކު އެގޮތުގައި ހުރުމަށްފަހު، ދެލޯ ހުޅުވައިލި ހިނދު އޭނާގެ އަތްތިލައިގެ ތެރެއިން ރަތްކުލައިގެ އޮލަ، އެހެނަސް ފިނިކަން ގަދަ ދުމެއް އުފެދި ފޭދެން ފެށިއެވެ. ބޯވަމުންދިޔަ އެ ދުންގަނޑު، ރާޅެއް ފަދައިން ފެތުރިގަނެ، މިސްވާގެ އަލިފާން ބުރު މުޅިން ވަށާލައި ފޮރުވައިލިއެވެ. އޭނާ ބޭނުންވި ފަދައިން އަލިފާންގަނޑު ނިވި، އަނދިރިކަން ވެރިވުމާއެކު، ބިލާލްގެ ކާމިޔާބީގެ ބާރު ހިނިގަނޑު މުޅި ފަޒާގައި ގުގުމައިގަތެވެ.
ބިލާލްގެ މަލާމާތުގައި ބައިވެރިވަމުން ދަރަކްވެސް ދިޔައީ ފުރައްސާރައިގެ ހިނިގަނޑުތައް ޖަހަމުންނެވެ. ބޮނޑާކަމާއި ކިބުރުވެރިކަމުގައި ހުރެ، ދެތިން ފިޔަވަޅެއް ކުރިއަށް ދަރަކް އަޅައިލީ ރުއާނާއާ ކުރިމަތިލުމަށެވެ. ނަމަވެސް، ކުއްލިއަކަށް ރުއާނާ އިސްއުފުލައިލި ހިނދު، ފެނުނު އަންތަރީސްކުރުވަނިވި މަންޒަރުން ރަނގަޅަށް ވެސް އޭނާގެ ދެފައިކޮޅުން ވާގިދޫވިއެވެ. ލިބުނު ވަރުގަދަ ސިހުމާއެކު ގަނޑުވެފައި، ހުރެވުނީއެވެ. އޭނާއާ ދިމާލަށް އައި ނުރައްކާތެރި ހަމަލާއިން ރެކިގަންނާނެ ހަކަތައެއްވެސް އެ ހަށިގަނޑަކު ނެތެވެ. އަމިއްލަ ސަލާމަތް ހޯދާނެ ފުރުސަތުވެސް ނުލިބުނީއެވެ.
މިސްވާގެ އިރުޝާދުތަކާ އެއްގޮތަށް ރުއާނާ ދިޔައީ އޭނާގެ ނަފުސުގެ ތެރޭގައި ފޮރުވިފައިވާ ބާރުތައް ހޭލައްވަން މަސައްކަތް ކުރަމުންނެވެ. ރުއާނާ ދެލޯ މަރައިލިއެވެ. ވަށައިގެން ފައިބަމުންދިޔަ ސްނޯގެ ފިނިކަން ހަށިގަނޑުގައި ބީހެމުންދިޔަ ނަމަވެސް، އޭނާގެ މުޅި ސަމާލުކަން ހުއްޓާލީ އެތެރެހަށްޓަށެވެ. ފުން ނޭވާއެއް އެތެރެއަށް ދަމާލަމުން، ބިރާއި ހާސްކަމުގެ ތޫފާނުގެ ތެރެއިން އޭނާގެ ފިކުރުތައް އެއްގަލަކަށް އަރުވަން މަސައްކަތް ކުރިއެވެ. ފުރަތަމަ ސިކުންތުކޮޅު ފާއިތުވެދިޔައީ ނޭވާ ހާސްކުރުވާ ފަދަ ބިރުވެރި ހިމޭންކަމެއްގެ ތެރޭގައެވެ. ހަށިގަނޑު ތުރުތުރުލަމުން ދިޔަވަރުން، ހިތަށް ވިސްނުންތެރިކަން ގެންނަން އުނދަގޫވިއެވެ.
ނަމަވެސް، އެ ބިރުވެރި ވަގުތު އޭނާގެ ލޯމައްޗަށް ސިފަވީ ލިއަމްގެ ހިނިތުންވުމެވެ. ލިއަމް އޭނާއަށް ދިން ހިތްވަރާއި، އެ ލޯތްބާއި ހިމާޔަތުގެ ހަނދާންތައް ހިތުގެ ތެރޭގައި ދިރިހުރި ވަހެއް ފަދައިން ދައުރުވާން ފެށިއެވެ. އެ ހަނދާންތަކާއިއެކު، ރުއާނާގެ ކަރުނަތައް ހިންދާލައި، ހިތްވަރު އާކޮށްލިއެވެ. އޭނާގެ ހިތުގެ ކަނަކުން ކުޑަކުޑަ ހޫނުކަމެއް އިހުސާސުވާން ފެށީ އެވަގުތެވެ.
އެއީ ފަނޑު ހޫނުކަމެކެވެ. ނަމަވެސް އެ ކުޑަ ހޫނުކަން އޭނާގެ އުންމީދުގެ ހުޅުކޮޅަކަށް ހެދިއެވެ. ލަސްލަހުން، އެ ހޫނުގެ ތެރެއަށް ތަފާތު ބާރެއް ވެރިވެ އޭނާގެ ލޭގެ ތެރޭގައި ދައުރުވާން ފެށިއެވެ. ހީވީ ހިތުގެ އެންމެ ފުންމިނުގައި ނިދާފައި އޮތް ބާރުގަދަ ރޫޙެއް، ލަސްލަހުން ހޭލައި، ގުނަވަންތަކަށް ފެތުރެން ފެށިހެންނެވެ. ހޫނުކަމުގެ ގަދަ ރޯޅި ހިތުން ފެށިގެން ކަރުތެރެއަށާއި، ދެ ކޮނޑާއި، މުލައްދަނޑިތަކާއި ހަމައަށް ފެތުރިގަތީ ހިފެހެއްޓުމެއް ނެތް އޮއިވަރެއް ފަދައިންނެވެ. ދެކޮލާއި މޫނުމަތިންވެސް ހީވީ އާވިއަރަމުން ދިޔަހެންނެވެ. ދިގު އިސްތަށިގަނޑުގެ ވައިގެ ތެރޭގައި ވިހުރެމުން ދިޔައެވެ.
“ތިއީ ބަލިކަށި މީހެއް ނޫން! މިހާ ހިސާބަށް ކަލޭ ތިއައީ ކުރި ހިތްވަރުން،” ރުއާނާގެ އަމިއްލަ ޟަމީރު އޭނާއަށް ގޮވައިލި ކަހަލައެވެ.
ނިއަލްގެ އަނިޔާވެރިކަމުގެ ތެރޭގައި ހޫރައިންއަށް އުޅެން ޖެހުނު ގޮތާއި ބިލާލްގެ މަލާމާތާއި އަނިޔާވެރިކަން ރުއާނާއަށް ތަހައްމަލު ކުރަން ޖެހުނު ގޮތް އަދި ބަސްތަކާއި ދަރަކްގެ ނުރައްކާތެރި ނަޒަރު ހަނދާންވުމުން، އެ ހޫނުކަން ކުއްލިއަކަށް ހުޅުގަނޑަކަށް ބަދަލުވިއެވެ. ރުއާނާގެ ދެއަތްތިލަ މަޑުމަޑުން ހުޅުވި، އިނގިލިތަކުގެ ކުރިން ރަތާއި ދަނބު އަދި ރަންކުލައިގެ ހުޅުކޮޅުތައް ފާޅުވާން ފެށިއެވެ. އޭނާ އިސްއުފުލައި ދެލޯ ހުޅުވައިލި ހިނދު، އެ ދެކަޅި ވަނީ ގަދަ ރަތްކުލައަށް ބަދަލުވެފައެވެ.
ބިލާލްގެ މަލާމާތުގެ ހިނިގަނޑު މެދުކެނޑުނެވެ. އޭނާ ފޮނުވި ރަތް ދުންގަނޑު، ރުއާނާގެ ހަށިގަނޑުން ނުކުންނަން ފެށި ގަދަ ހޫނުގެ ސަބަބުން ޢައިބުވެގެން ދިޔައެވެ. ރުއާނާ، އޭނާގެ ކަނާއަތް ދަރަކުއާއި ދިމާލަށް ދިއްކޮށްލިއެވެ. އެއާއިއެކު، އޭނާގެ އަތްތިލައިގެ ތެރެއިން އުފަންވި ބާރުގަދަ އަލިފާނުގެ އުންޑައެއް، ވިދުވަރެއް ފަދަ ހަލުވިމިނެއްގައި ދަރަކްއާއި ދިމާލަށް އުދުހިގަތެވެ. އެއީ ފެންނަ ފެނުމަށް ރީތި، ނަމަވެސް ނުރައްކާތެރި ހަމަލާއެކެވެ. ބިލާލްގެ މޭގައި އެ އަލިފާންގަނޑު ޖެހުމާއެކު، މުޅި މާހައުލު ގުގުމައިގެންދާ ފަދަ ބާރު އަޑަކާއެކު އޭނާ ވިއްސައިގެން ގޮސް ދުރުގައި ހުރި ބިޔަ ޕައިން ގަހެއްގައި ބުޑުގައި ޖެހުނެވެ. އެއާއި އެކު އޭނާގެ ހަށިގަނޑާއި ބޯ ވަކިވެގެން ދެދިމާލަށް ވިއްސައިގެން ގޮސްފިއެވެ.
އެކުއްލި ހަމަލާއިން މިސްވާއާއި ބިލާލްގެ އިތުރު ބިލާލްގެ ބައިވެރިން ވެސް ތިބީ އިންތިހާއަށް ސިހިފައެވެ. ހުދު ރުއާނާ ވެސް ހުރީ އޭނާގެ އަމިއްލަ އަތުން ނުކުތް އެ ބާރާއި މެދު ސިހޭގޮތްވެފައެވެ. އަތްތިލައިން ފަނޑު ދުންތަކެއް އޭރުވެސް އަރަމުން ދިޔައިރު، ހަށިގަނޑުގައި ދައުރުވަމުން ދިޔަ ހޫނުކަން އޭނާއަށް އިޙްސާސްކޮށްދެނީ އާދަޔާ ހިލާފު އިޙުސާސެކެވެ. ކުރިން ދުވަހަކުވެސް ތަޖުރިބާ ކުރެވިފައި ނުވާފަދަ އަސަރެކެވެ. ދަރަކް ހަރަކާތެއް ނެތް ހަށިގަނޑު ފެނުމުން ރުއާނާ މޭ ނުބައި ކުރަން ފެށިއެވެ. ބޯ ވަކިވެފައި އޮތީ އަދި މާދުރުގައެވެ.
ރުއާނާގެ ނަޒަރު ދެން ދަތުރުކޮށްލީ ބިލާލަށެވެ. އެއީ އޭނާގެ ހަގީގީ އަމާޒެވެ. ބިލާލްއަށް ލިބިފައިޥާ ކުއްލި ސިހުމުގައި އަދިވެސް ހުރީ ހުއްޓުން އަރާފައެވެ. އެ ދަނޑިވަޅުގެ ބޭނުން ހިފަން ހިތާއި ސިކުނޑީ ވެސް ދިޔައީ ގޮވާލަމުންނެވެ. ދަރަކްއަށް ދެވުނު ހަމަލާއިން ހިތްވަރު ލިބިގަނެ، އަމިއްލަ ދެއަތް ހިއްލާލަމުން ރުއާނާ ދެވަނަ ހަމަލާ ބިލާލްއަށް ދިނުމަށް ތައްޔާރުވެލިއެވެ. އޭނާގެ އަތްތިލައިގެ މަތިން މައްޗަށް އެރީ އެކުލަތަކުގެ އަލިފާނުގެ ހުޅުގަނޑު އަމާޒުކޮށްލީ ބިލާލަށެވެ. ނަމަވެސް މިފަހަރު އެހަމަލާ ކާމިޔާބެއް ނުވިއެވެ. ބިލާލްގެ ކުރިމައްޗަށް އެރި ނިޔަލް ދިއްކޮށްލި ކަނޑީގެ ސަބަބުން ބިލާލްއަށް އެހަމަލާއިން ރެކިގަނެވުނެވެ. ނަމަވެސް އެއީ ކިރިޔާއެވެ. އެވަރުން ވެސް ބިލާލްގެ އަތުން ބައެއް ފިހުނު އިރު ނަގަންފެށި ދިލައިން އުޅެމުން ދިޔައީ ކެތް ނުކޮށްލެވިގެންނެވެ. ނިއަލް ފެނުމުން ރުއާނާއަށް މަޑު ޖެހެވުނެވެ. ނަމަވެސް އެވަގުތު އަނެއްކާ މިސްވާ ހިތްވަރު ދޭން ފެށުމުން ރުއާނާ ހަމަޖެހުނެވެ.
“ވަރަށް ރަނގަޅު ރުއާ.. އަދި ކުޑަ ހިތްވަރެއް.. އަހަންނަށް އިޙްސާސްވޭ އެބަ ރާބިއުމެން އަހަރެމެންނާއި ގާތްވެއްޖެ” މިސްވާގެ އަޑުން ރުއާނާ ބޯޖަހައިލިއެވެ.
”ރުއާނާ! މީ ދޯ ތިކުޅުނު ތަމްސީލް! މިއީތަ އަމިއްލަ އާއިލާއަށް ދޭން ހައްގުވި ޝަޒާއަކީ؟ ދެން ނުކުރާނަން އިތުބާރެއް… ލާހިކެއް ނޫން އިންސާނުންގެ ތެރެއަށް އަލުން އެނބުރި ދާކަށް! އަމިއްލަ ދަރިއަކު ވިއަސް އަހަންނަށް ލަނޑެއް ދެވޭނީ އެއްފަހަރު! މިއަދު ކަލޭ ހުރިހާ އިމެއް ފަހަނަ އަޅައިފި!” ރުޅިގަދަވެފައިވީ ވަރުން ނިއަލްގެ އަޑު ބާރުކަމުން ހީވީ ގުގުމަމުން ދާ ހެންނެވެ. އާދަޔާއި ހިލާފަށް އަޑުވެސް ބަރުވެފައި ބާރެވެ. އެދެލޮލުން ހީވީ އަލިފާން ކަނި ބުރަމުން ދިޔަހެންނެވެ.
ހިތް ބިރުން ތެޅިފޮޅިގަތް ނަމަވެސް ރުއާނާ ދައްކަމުން ދިޔައީ އެހެން ކުލައެކެވެ. ރުއާނާ ޖަހައިލީ ހިނިގަނޑެކެވެ. މިސްވާ އަޅާފައިވާ ވަށް ބުރުގެ ތެރެއިން ނުކުތެވެ. އޭނާ މިސްރާބު ޖެހީ ސީދާ ނިއަލްއާއި ދިމާލަށެވެ.
“ރުއާ.. ރުއާ.. ނޫން.. ނުދޭ!” މިސްވާގެ އަޑު އައެވެ. ނަމަވެސް ރުއާނާ ނުހުއްޓުނެވެ. ހީވީ މިހުރިހާ ދުވަހަކު ކުރިމަތިލާން ކުރަން ނުކުރެނު ހިތްވަރު އެވަގުތުން ފެށިގެން ކުރަން ބޭނުން ވެފައި ހުރި ހެންނެވެ. ފަސްޖެހޭކަން ހިތެއް ނޭދުނެވެ. ނިއަލްއާއި ބިލާލްއާއި ދެމީހުންގެ ކުރިމަތީގައި ރުއާނާ ގޮސް މަޑުކޮށްލިއެވެ. އޭނާ ހުރީ ކުއްލިއަކަށް އައިސްފާނެ ހަމަލާއަކަށް ވެސް ވިސްނައިގެންނެވެ. ބިލާލް އެހާ ވޭނުގައި އުޅެމުންވެސް އުރުގައި އޮތް ކަނޑި ނެގިތަން ފެނި ރުއާނާއަށް ހިންދިރުވާލެވުނެވެ.
“ކަލެއަށް ކުރެވޭނީ ވަކި ކީއް؟ އެންމެ ބޮޑުވަރަކަށްވެސް އަހަރެންގެ ފުރާނަ ދުއްވައެއްނުލެވޭނީ! އާދޭ، އަވަހަށް އާދޭ!” ރުއާނާގެ ޖެހިލުންކުޑަ ބަސްތައް ވެގެންދިޔައީ، ބިލާލްގެ ހިތުގައި ރޯވެފައިވާ ރުޅިވެރިކަމުގެ އަލިފާންގަނޑަށް އެޅުނު އެޅުނު ދަރަށެވެ. ބިލާލްގެ ކެތްތެރިކަން ކޮޅުންލައި، މޮޔައަކު ފަދައިން ހަޅޭއްލަވައިގަންނަމުން، އޭނާގެ މިޔަތޫނު ކަނޑި ރުއާނާއާ ދިމާލަށް ދިއްކޮށްލާފައި ފުއްމައިގަތެވެ. އެހެނަސް، އެ ދެމެދަށް ނިޔަލް ހުރަސްއެޅިއެވެ. ނިޔަލް ބާރު އަޑުން ދުރަށް ދިއުމަށް އަމުރުކުރި ނަމަވެސް، ރުޅިން ތުރތުރު އަޅަމުން ދިޔަ ބިލާލް އެ އަޑަކަށް އިޖާބައެއް ނުދިނެވެ. އޭނާ ނިޔަލްގެ މޭގައި އަތްއަޅައި ދުރަށް ކޮށްޕާލުމަށްފަހު، ދެވަނަ ފަހަރަށް ރުއާނާއަށް އަމާޒުކޮށް ހަމަލާ ދިނުމަށް ދިޔައެވެ. ރުއާނާ ބިރުން ފަހަތަށް ފިޔަވަޅެއް އެޅި ނަމަވެސް، ހަށިގަނޑު ވަނީ ސިހުމާއި ބިރުވެރިކަމުގެ ތެރޭގައި ގަނޑުވެފައެވެ.
ބިލާލްގެ އަތުގައި އޮތް ކަނޑީގެ ވިދުން ރުއާނާގެ ދެލޮލަށް އެޅުނު ހިނދު، މުޅި މީހާ ތުރުތުރުލާން ފެށިއެވެ. އިރުކޮޅެއް ކުރިން ދެއްކި ހިތްވަރު، އެ ނުރައްކާތެރި މަންޒަރު ފެނުމުން ވިރިގެން ދިޔައެވެ. އަމިއްލަ ސަލާމަތަށްޓަކައި އެއްވެސް ހަރަކާތެއް ކުރާނޭ ހަކަތައެއް އެ ހަށިގަނޑަކު ނެތެވެ. ރުއާނާގެ އެހީއަށް އައި މިސްވާ، ބިލާލްގެ ބާރުގަދަ ހަމަލާއާއެކު ދުރަށް ވިއްސައިގެން ގޮސް ޖެހުނެވެ. މިސްވާ ބަންޑުން ވެއްޓިފައި އޮތް ގޮތުން، އޭނާގެ ހޭވެރިކަން ހުރިހެންވެސް ހީނުވެއެވެ. އެންމެފަހުން، މިއީ އޭނާގެ ނިމުން ކަމުގައި ގަބޫލުކޮށް، އުއްމީދު ކަނޑާލައި ދެލޯ މަރާލިއެވެ.
ނަމަވެސް، އުންމީދު ނުކޮށް ހުއްޓާ ސިހުން ލިބުނީ، އޭނާގެ މޫނާއި އިންޗިއެއްހާ ތަން ގާތްވެފައި އޮތް ބިލާލްގެ ކަނޑި، ކޮންމެވެސް މީހަކު ހުއްޓުވުމުންނެވެ. އާދަޔާއި ހިލާފް އެ ހަލުވިމިނެއްގައި އެ ދެމެދަށް ވަތް ހުދު ފޮތިގަނޑަކުން މޫނު ނިވާކޮށްގެން ހުރި ޒުވާން އަންހެން ކުއްޖެކެވެ. އެއީ ކޮންތާކުން އައި ކާކުކަމެއް ނޭނގެއެވެ. އޭނާގެ އަތުގައި އޮތް ކަނޑީގެ މުށްގަނޑުން ބިލާލްގެ އަތުގައި ޖެހި ބާރުމިނުގައި، ބިލާލްގެ އަތުން ކަނޑި ވެއްޓިގެން ދިޔައެވެ.
“ދަރިފުޅާ” އެއީ ކާކުތޯ ބަލައިލުމުގެ ޝައުގުގައި ރުއާނާ މަޑުކުރި ނަމަވެސް ރާބިއުގެ އަޑަށް މުޅި ކުއްޖާ ސިހިއްޖެއެވެ. ބަލައިލި އިރު ރާބިއު އައިސް އޭނާގެ ގައިގާ ބައްދާލަނީއެވެ. ލިބުނު ހިތްހަމަޖެހުމުގައި އަވަސްވެފައިވާ ނޭވާ ދޫކޮށްލެވުނު އިރު ރޮވިއްޖެއެވެ. ރާބިއުގެ މޭގަ ތެރޭގައި ބޮނޑިވެލެވުނެވެ.
“އިޓްސް އޯކޭ ދޫނީ، އިޓްސް އޯކޭ،” ރާބިއު ރުއާނާގެ ބޮލުގައި ފިރުމަމުން ދިޔައިރުވެސް، އޭނާގެ ތޫނު ނަޒަރު ހުރީ ނިޔަލްގެ ބައިވެރިންނަށް ހުއްޓިފައެވެ. އޭނާގެ ހަވަނަ ހިއްސު ދިޔައީ ކުރިއަށް އޮތް ނުރައްކާ އިންޒާރުކޮށް ދެމުންނެވެ. އެހެން ހުއްޓާ، ނިޔަލްގެ އެންމެ ވަފާތެރި ދެ ފާރަވެރިންގެ އެހީގައި މައިދާނަށް ނުކުތް ހޫރައިން ފެނި، ނިޔަލްގެ ކޮންޓްރޯލް މުޅިން ގެއްލި، އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ.
ހަލަބޮލިކަމުގެ ތެރެއިން ރުއާނާގެ ނަޒަރު ހޫރައިންއަށް ސީދާވި ހިނދު، ހީވީ ހިނދުކޮޅަށް ނަމަވެސް އޭނާގެ މުޅި ދުނިޔެ ހުއްޓުނުހެންނެވެ. އެއީ އޭނާގެ މަންމައެވެ! އެތައް ގަރުނެއް ފާއިތުވެ ދިޔަ ނަމަވެސް އެސޫރަ އޭނާއަށް އޮޅޭނެ ގޮތަކީ ނެތް ގޮތެކެވެ. އެތައް ދުވަހެއްގެ އިންތިޒާރަކަށްފަހު، އުންމީދުގެ ހުޅުކޮޅު ފަނޑުވެފައި ވަނިކޮން މަންމަގެ ސޫރަ ފެނުމުން ރުއާނާގެ ހިތް ޖަޒުބާތުން ފުރި ބާރުވިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އިތުރުވިއެވެ. މަޑުމަޑުން ދެތުންފަތް ފޫ އަޅުވާލާފައި “މަންމާ” އޭ ބުނެވުނެވެ.
ހޫރައިންގެ ހާލަކީވެސް އެއީއެވެ. ހައްޔަރުކޮށް، އެކަހެރިކޮށްފައި ހުރި އެތައް އަހަރެއްގެ ތެރޭގައި، އޭނާގެ ހިތުގެ ދިރުމަކީ އެ ލޯބިވާ ދަރިފުޅުގެ ހަނދާންތަކެވެ. ހިނދުކޮޅަށް ވެސް ރުއާނާގެ މަތިން ހަނދާން ނުނެތެއެވެ. އެދަރިފުޅު އެންމެފަހުން ފެނުނު ދުވަހާއި މިއަދު ކުރިމަތިން ފެންމުންދާ ސޫރަ އަޅާ ކިޔާލެވުނު ހިނދު ހީވީ މޭ ފިތިގެންދިޔަހެންނެވެ. އޭނާ ނެތި ރުއާނާގެ ދިރިއުޅުމުގައި ހާދަ ދުވަހެއް ވޭތުކޮށްފިއެވެ. މިއަދު އެސްފިޔަޖަހާލާހާ ގާތުން ރުއާނާ ފެނުމުން، ހޫރައިން ބޭނުންވީ ލޯބިން ބައްދާލާށެވެ. މިހުރިހާ ދުވަހު ނުދެވުނު ލޯބި އަލުން އެދަރިފުޅަށް ހޯދައިދޭން ހިތް އެދި ގޮވަން ފެށިއެވެ. އެހިސާބުގައި ހުރެ ވެސް ރޮމުން ރޮމުން ހޫރައިން އަތް އަތް ދިއްކޮށްލެވުނެވެ.
“އޭތް! ކަލޭ ނެރުނީ ކާކު؟ ހަމަ މިހާރު ހޫރައިން އެތެރެއަށް ވައްދާ! ނޫނީ ކަލޭމެންގެ ދުވަސް ދާނެ! ވައްދާށޭ ބުނީމާ އަޑެއް ނީވޭތަ؟” ނިޔަލްގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ނަމަވެސް، އޭނާގެ އަމުރަށް ކިޔަމަންވުމުގެ ބަދަލުގައި، އެ ދެ ފާރަވެރިން، އަދަންއާއި އާއިދު އެކަކު އަނެއްކަކަށް ބަލައިލުމަށްފަހު، ނިޔަލްއަށް ބަލައިލީ މަލާމާތުގެ ހިނިތުންވުމަކާއެކުގައެވެ.
“އަހަރެމެން ދެމީހުންގެ މަންމައާއި ދެކޮޅަށް ނުކުންނާނީ ކިހިނެތް!” އަދަން ހިނިއައިސް ހުރެ ދިން ޖަވާބުން ނިއަލްގެ މޫނުމަތި އިހުނަށް ވުރެން ބަނަ ވެއްޖެއެވެ.
“މަންމައޭ؟” ބިލާލް ވެސް އަހައިފިއެވެ.
“އާން! މިސްވާ އަކީ އަހަރެމެން ދެމީހުންގެ މަންމަ.. މަންމައަށް އެހީ ނުވެ ދެން ކާކަށް އެހީ ވާނީ! ފުރާނަ ގުރުބާންކުރަން ވެސް ތައްޔާރު! އަހަރެމެން މީ ކަލޭމެންނެއް ނޫނޭ އަމިއްލަ ލެޔަށް ގައްދާރުވާކަށް!” އަދަން އަނެއްކާ ވެސް ބުނެލިއެވެ. ޖަވާބުން ބިލާލްގެ މޫނުގެ ކުލަވަރުން މުޅިން އޮއްސުނެވެ.
އޭރު ތިރީގައި ވެއްޓިފައި އޮތް މިސްވާ ވެސް ކޮޅަށް ތެދުވެ ހަމަ އިސްކޮޅަށް ދެމިލައިފިއެވެ. އޭނާގެ މޫނުމަތިން ކޮންމެ ވެސް ރަނގަޅުކަމަށް ފެނެއެވެ. ދެލޯ ފުހެލަމުން، ރުއާނާގެ އަތުން އިޝާރާތް ކޮށްލަމުން މިސްވާ ގާތު ރަނގަޅުތޯއެހިއެވެ. އާއެކޭ ބުނުމުގެ ގޮތުން މިސްވާ ބޯޖަހައިލި މަންޒަރު ފެނި ރުއާނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“އެންމެން ކަނޑިތައް ނެރޭ! މިއިން އެކަކަށް ވެސް މިތަނުން ބޭރަށް ނުކުމެވިގެން ނުވާނެ.. އެންމެން މަރަންވީ!” ނިއަލްގެ ހަރު އަޑުން ގޮވާލިއެވެ. އެހިނދު އޭނާގެ އަޑަށް ގަނޑުވަރުގެ ތެރެއިން ނުކުން އިތުރު ފާރަވެރިންގެ ބައިގަނޑެއް އެދިމާލަށް އަންނަމުން ދިޔައެވެ. ބިލާލްއާއި ނިއަލްގެ މޫނުމަތިން ފެނިގެން ދާންފެށީ ވިހަ ހިނިތުންވުމެކެވެ.
“ދަރިފުޅާ، މަންމަ ގޮވައިގެން ނުކުމޭ! މިސްވާ އަދި އަދަން އާއި އާއިދު ހުންނާނެ ބައްޕަޔާ އެއްކޮން.. މައުވާ އާއި އެކު ދޭ މިތަނުން ބޭރަށް.. ލަސް ނުކުރޭ”
“މައުވާ އޭ؟ ކޮން މައުވާއެއް؟ ” ހައިރާން ވެފައި ހުރެ ރުއާނާ އެއްސެވެ.
“ދަރިފުޅާ މިވަގުތު ސުވާލު ކުރަން ނުހަދާ ބަލަ، އަވަހަށް ދޭ.. ވަރަށް އަވަސްކޮށްގެން ދެވޭނީ” ރުއާނާގެ އުނަގަނޑުގައި އަތުން އަޅާ ގަނޑުވާރުގެ ފަހަތު ދޮރާއި ދިމާލަށް ރާބިއު ފޮނުވާލިއެވެ.
“ނޫނޭ، ލިއަމްގެ ބައްޕަ ބާއްވާފަ ނުދާނަން”
“ބައްޕަ މި މަސައްކަތް ކުރަނީ އެތަނަށް ދާށޭ.. އެކަމަކު ދަރިފުޅަކީ އެމީހުން ޓާގެޓް.. މިފަހަރު އަތުވެއްޖެއްޔާ ސަލާމަތެއް ނުޥާނެ.. މަރާވެސް ލާފާނެ .. ބުނީމަ އަޑުއަހާބަލަ ރުއާ”
“އައި ޑޯންޓް ކެއާރ ބައްޕަ، ބައްޕޕަ އެކަނި ކޮށްފަ ވެސް ދާކަށް ބޭޏުމެއް ނޫނޭ”
“މަންމަ އާއި ދެމީހުން ހަމަ މިހާރު ނުކުމޭ މިތަނުން.. ބުނީމަ އަޑުއަހާ ރުއާނާ!” އެއްގޮތަކަށް ވެސް ރުއާނާ އެއްބަސް ނުވުމުން އެންމެފަހުން ރާބިއު ހަޅޭއްލަވައިގަތެވެ. ފަހަތުގައި އަންހެން ކުއްޖާ ވެސް ރުއާނާގެ އަތުގައި ހިފައި ދަމައިގަތީ ނިއަލްގެ ބައިވެރިން އައިސް ހަމަލާތައް ދޭން ފެށުމުންނެވެ. އަލިފާން ބޯޅަތަކުގެ ވަރުގަދަ ހަމަލާތައް، ނިއަލްގެ ލަޝްކަރާއި ދެކޮޅަށް ފޮނުވަމުން ދިޔައިރު ރާބިއު އާއި ދެބައިވެރިންގެ ހިތްވަރަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެމީހުންގެ މަސައްކަތައް މިސްވާ ވެސް އެހީތެރިވަމުން ދިޔައެވެ.
ހިތާއި ދެކޮޅަށް ރުއާނާ ހިނގައިގަތެވެ. ރާބިއު އާއި ނުލާ ދާކަށް ވެސް ބޭނުމެއް ނުވިއެވެ. ރޮވެމުން ދިޔައިރު ހޫރައިން ފެނި ވަކިން ބޮޑަށް ޖަޒުބާތުގައި ޖެހެމުން ދިޔައެވެ. ލޯބިވާ މަންމަ އެތައް އަހަރެއް ފަހުން ފެނުނު ހިނދު އެކަމާއި އުފާފާޅުކޮށްލަނެ ވަގުތު ކޮޅެއް ވެސް ނުލިބުނެވެ. ހޫރައިން، ރުއާނާގެ ގައިގާ ބައްދާލަން އުޅުނު ނަމަވެސް މައުވާ އެކަމަށް ހުރަސް އަޅަމުން އެމީހުންގެ ފަހަތުން އަންނަމުން ދިޔަ މީހުން ދެއްކިއެވެ. ތިންމީހުންގެ ދުވެލި ހަލުވިއެވެ. ތިބެވުނީ އެހާ ވެސް ގާތުގައެވެ. މައުވާގެ ދިގު ވަރަ ނެރެލުމަށްފަހު، ރުއާނާއާއި ހޫރައިންގެ އަތުގައި ހިފައި އުދުހި ގަންނަން އުޅުނު ހިނދު އެމީހުން އައިސް އަރާ ހަމަކޮށްފިއެވެ.
“މަންމާ ނޫން!” ފުރަތަމަ ވެސް އެމީހުން ގެންދަން އުޅުނީ ހޫރައިން އެވެ. ރުއާނާއަށް ރޮއިގަނެވުނެވެ. މައުވާ މަޑުމަޑުން އެއްޗިހިތަކެއް ކިޔަމުން ގޮސް ދެއަތް ހިއްލާލިއެވެ. އެހިނދު އޭނާގެ ދެއަތްތިލައިން މައްޗަށް އަރައިގެން ދިޔައީ ނޫކުލައާއި ފެހިކުލައިގެ ގަދަ އަލިތަކެކެވެ. މައުވާގެ ގަދަ ހިތްވަރުން، ދެއަންހެން ކުދީންގެ ގާތައް ޖަމާވެ ތިބި ފާރަވެރިންތައް މެދު ނުކެނޑި ދެމުންދިޔަ ހަމަލާތައް ހުއްޓުވަމުން ދިޔައެވެ. ދޭތެރެއަކުން އޭނާގެ ފުށުން ވެސް ހަމަލާތައް ދެއެވެ. މައުވާގެ ގަޔަށް އެމީހުންގެ ހަމަލާތައް އަރަމުން ވެސް ދިޔައެވެ. މުޅި ހިސާބުގަނޑުގައިވާ ގަސްތަކުގައި ވެސް ވަނީ އަލިފާނު ކޮޅުތައް ރޯވެފައެވެ. ދޫކުރަމުންދިޔަ އަލިތައް ފަޒާގެ ތެރޭގައި ވިދުވަރެއް ފަދައިން ވިދަމުން ދިޔައެވެ.
ރުއާނާ ތެޅިގަނެފައި ހޫރައިން ގެ އުނަގަނޑުގައި ފަހަތުން ބާރަށް ބައްދާލަމުން އެމީހުންނަށް ގެންދެވުނަ ނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިއެވެ. އެއޮތްގޮތައް އޮވެ ވެސް ހަށިގަނޑައް ލެވުނު ހާ ބާރެއް ލަމުން އޭނާގެ ބާރު އިހްސާސް ކުރަން ފެށިއެވެ. ގަޔަށް އަރައިގެން ދިޔަ ހޫނު ގަނޑާއި އެކު ރުއާނާގެ އަތުން ނުކުތް އަލިފާންގަނޑު ނިއަލްގެ ބައިވެރިންނާއި ހަމައަށް ފޮނުވާލިއެވެ. ފުރަތަމަ ހަމަލާއިން ވެސް ފަސް މީހުން ވެއްޓުނު ތަން ފެނި ހިސާބެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެހެނަސް، އެމީހުން ރައްދުގައި ދެމުން ދިޔަ ހަމަލާތަކުން ރުއާނާއަށް ވެސް ނުހަނު ބޮޑަށް އަނިޔާ ވަމުން ދިޔައެވެ. ހަށިގަނޑުންއެކި ހިސާބުތައް ފިހެން ފެށިއެވެ. އަޅާ ވޭނުން ލޮލުން ފެން އަންމުން ދިޔައިރު ވެސް ހޫރައިންގެ ފުރާނަ ސަލާމަތް ކުރުމަށް ހަމަލާތައް ބަދަލު ކުރަމުގައި އޭނާ ދެމިހުއްޓެވެ.
“ދަރިފުޅާ، މަންމަ ދޫކޮށްލާފަ އެ ކުއްޖާއާއި އެކު ނުކުމޭ.. މަންމައަށް ނުބަލާ” ހޫރައިންގެ ބަލިއަޑުން ބުނެވުނެވެ. އޭރު ރުއާނާ އުޅެމުން ދިޔަ ހާލުން ހޫރައިންގެ ލަގޮނޑިއަށް ދިޔައީ ކެތްނުވަމުންނެވެ.
“ނޫނޭ މަންމާ.. އައި ކެން ޑޫ ދިސް.. މަންމާ ސްޓޭ ވިތް މީ..އިންޝާﷲ ވީ ކެން ޑޫ ދިސް” ރުއާނާ ގޮވާލިއެވެ.
ދެ އަންހެން ކުދިންނަށް އެމީހުން ބަލިކުރެވުނު ތިބީ ނުހަނު ބޮޑަށް ބަލިވެފައެވެ. އިތުރަށް ލަސްކުރާކަށް ނުހަދައެވެ. ބެލީ ގަނޑުވަރު ބިޔަ ފާރުން ބޭރަށް ދެވޭތޯއެވެ. މައުވާ ގާތް ވެލާފައި އެދުނީ އޭނާގެ ގައިގާ ދެމީހުން ވެސް ހިފަހެއްޓުމަށެވެ. މައުވާގެ ގައިގާ ހޫރައިން ހިފެހެއްޓުމުން ، މައުވާ ދެން އަތް ދިއްކޮށްލީ ރުއަނާއަށެވެ. ނަމަވެސް އެއަތުގައި އަތް ނުލާ ރުއާނާ ޖެހުނީ ފަހަތަށެވެ. މައުވާގެ މޫނުން ފެންނަނި ހަމައެކަނި ދެލޮލެވެ. އޭނާގެ ދެލޮލުގެ ކަޅި މައްޗަށް އަރުވާލި ގޮތުން، ރުއާނާ ދައްކައިލީ ދުރުން އަންނަމުން ދިޔަ ބިލާލެވެ.
“މައުވާ! މަންމަ ގޮވައިގެން ދޭ. އަދި އަހަރެން ބަލާ އާދޭ. މިސްވާ ބުނި ބޭރުގައި އަހަރެމެންގެ މީހުން ތިބި ވާހަކަ. މައުވާއަށް ލިއަމް ފާހަގަކުރަން ނޭނގިއްޖެއްޔާ-”
“ރުއާނާ! މިއީ މަށޭ! މަށަށް ލިއަމް ވަކިކުރަން ނޭނގޭނެތަ؟” މައުވާ މޫނުމަތީގައި އަޅާފައި އޮތް ފޮތިގަނޑު ތިރިކޮށްލިއެވެ. އެ ފެނުނު ސޫރައަކުން ރުއާނާ ހައިރާންވެ، ޒާތަކަށް ހުއްޓުނެވެ. އެއީ ލިއަމްގެ ފަހަތުން އުޅުނު ބޮޑާ މައުވާ ހެއްޔެވެ؟ ނަމަވެސް، ކުރިން ފެނުނު އެ ނުލަފާކަމާއި ބޮޑާކަމުގެ އެއްވެސް ކުލަވަރެއް މި މައުވާގެ މޫނަކުން މިހާރަކު ނުފެނެއެވެ.
“އާރ ޔޫ ދެޓް މައުވާ؟”
”ހަހަ ޔެސް.. ޑޯންޓް ވޮރީ،.. އަމް ގުޑް ނައު.. ލިއަމް އިޒް ޔުއާސް.. އަވަހަށް އާދޭ ދެން ދާން” މައުޥާ ހިލަމުން ބުނެލިއެވެ. ހޫރައިން ވެސް ރުއާނާގެ އަތައް ދަމާލަމުން އަވަސް ކުރަން ބާރުއަޅަން ފެށިއެވެ.
“މަންމާ! އަހަރެން އިންޝާﷲ ސަލާމަތުން އެނބުރި ދާނަން. ލިއަމްގެ ބައްޕަގެ ޚަބަރެއް ބަލައިނުލާ ދިއުމަކީ އިންސާފަކަށް ނުވާނެ. ލިއަމްގެ ސަބަބުން މަންމައަށް އަހަރެން މި ފެންނަނީ. މަންމަ ގާތަށް ވަރަށް އަވަހަށް ދާނަން އިނގޭ. މައުވާ! މަންމައަށް ބަލާތި،” ހޫރައިންގެ އަތުގައި ބޮސްދެމުން ރުއާނާ ބުނެލިއެވެ.
“ދަރިފުޅާ! އިރާދުކުރެއްވިއްޔާ ކާމިޔާބުވާނެ. މަންމަ އިންތިޒާރުގައި ހުންނާނަން،” ރުއާނާގެ ގައިގައި ބާރަށް ބައްދާލަމުން ހޫރައިން ހުއްދަ ދިނެވެ. ހިތާ ދެކޮޅަށް ނަމަވެސް، ރުއާނާ ފޮނުވަން ހޫރައިން އެއްބަސްވީ، ނިއަލްއާއި ބިލާލްގެ ސަބަބުން އިޒާންއަށް ލިބިދާނެ ގެއްލުމަކަށް ބިރުންނެވެ. ހޫރައިންގެ ފުރާނަ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އިޒާންއާއި ޒީވާއަށް ދިމާވި ހިތްދަތި ހާދިސާ ރާބިއު އޮތީ، ގަނޑޫވަރު ތެރެއިން ނުކުތުމުގެ ކުރިން ކިޔައިދީފައެވެ.
މައުވާގެ، އަޅިފުސް ކުލައިން ވިދަމުން ދިޔަ ދިގު ވަރަ ނެރެ އުދުއްސައިގަންނަމުން ރުއާނާގެ މިސްރާބާއި ބެހޭގޮތުން އޮޅުން ފިލުވިއެވެ. ޖަވާބުދިނުމަށްފަހު ބިލާލް އައުމުގެ ކުރިން އެތަނުން ރުއާނާ ފިލައިގެން ދިޔައެވެ. އެގަނޑުވަރުގައި ހޭދަކުރި މަދު ދުވަސްކޮޅުގެ ތެރޭގައި ދަރަކްގެ ފުށުން ރުއާނާ ވަނީ އެތަކެއް މައުލޫމާތެއް ހޯދާފައެވެ. ދަރަކްގެ ދުނިޔޭގައި ނެތް ނަމަވެސް އެވަގުތު ވެސް އޭނާގެ މޮޔަކަމާއި ހުރެ ރުއާނާގެ ގާތައް ހިނި އަންނަގޮތްވިއެވެ. އެ ،މައުލޫމާތައް ބުރަވެ ރުއާނާ ގަނޑުވަރަށް ވަނީ އެދިމާލުން އެތެރެއަށް ވަދެވެން ހުރި ސިއްރު ދޮރަކުންނެވެ.
****
މިރެއިލްގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުންގޮސް، މުޅި މާހައުލު ގުގުމައިލިއެވެ. އޭނާގެ އަޑާއެކު އުފެދިފައިވާ ތޫފާންވެސް ދިޔައީ އިންތިހާއަށް ވަރުގަދަވަމުންނެވެ. ފަނޑުވަމުންދިޔަ އަލިކަމުގެ ތެރެއަށް ކުއްލިއަކަށް ކަޅު އަނދިރިކަމެއް ވެރިވެ، މާހައުލުގައި އޮތް ފިނިކަން ކެނޑި، ދިލަ ހޫނުކަމެއް އިހުސާސުވާން ފެށިއެވެ. މިރެއިލް ކުރިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް، ޝިއާވެސް ނުހަނު ސާބިތުކަމާއެކު މިރެއިލްގެ މަސައްކަތުގައި ބައިވެރިވަމުން ދިޔައެވެ. އީތަން ހުރީ ނުހަނު ހުށިޔާރުވެގެންނެވެ. ކޮންމެ ސިކުންތެއްގައިވެސް މިރެއިލްއަށް އަތުވެދާނެ ނުރައްކާތެރި ހަމަލާއަކުން ދިފާއުވުމަށް އޭނާ ހުރީ ތައްޔާރަށެވެ.
އަނދިރިކަން ބޯވަމުން ގޮސް، މުޅި މާހައުލު ފުން އަނދިރިގަނޑެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ. އެތަނުގައި ތިބި މީހުންގެ ލޯތައް އެ އަނދިރިކަމަށް ހޭނިފައިވީ ނަމަވެސް، އާދައިގެ އިންސާނަކަށް އެއީ ޖެހިގެން ހުންނަ މީހާވެސް ވަކިކުރަން ނޭނގޭނޭ ފަދަ ނާމާން އަނދިރިކަމެކެވެ. ކުއްލިއަކަށް، އެ އަނދިރިކަމުގެ ތެރެއިން ރޯވެ އަނދަމުންދިޔަ ބިޔަ މާސިންގާ އަލިފާން ބޯޅައެއް ފާޅުވިއެވެ. އެއާއެކު، މުޅި ސަރަހައްދަށް އޮރެންޖް ކުލައިގެ ބިރުވެރި އަލިކަމެއް ފެތުރިގެން ދިޔައެވެ. އެއީ ހަމައެކަނި އަލިފާން ބޯޅައެއް ނޫނެވެ.
“އެމީހުންގެ ހަމަލާއެއް!” މިރެއިލްގެ އަޑަށް ޝިއާ ދެލޯ މަރައިލިއެވެ. ދޫކޮށްލި ފުންނޭވާއާއި އެކު އެތެރެހަށިން ނެރުނު ބާރު އޭނާގެ އަތް ދިލަ ދަމާލަމުން ދޫކޮށްލިއެވެ. އަތުގެ ތެރެއިން ނެރެމުން ދިޔަ ނޫކުލައާއި ފެހިކުލައިގެ އަލިތައް އެއްވެ މިސްރާބު ޖެހީ، އުފެދިފައިވާ އަލިފާންގަނޑުގެ ސީދާ މެދަށެވެ. ނަމަވެސް އަލިފާން ގަނޑާއި އިންޗިއެއްހާ ގާތްވެފައި ވަނިކޮން،ޝިއާގެ އެ ހަމަލާ ފަނޑުކޮށްލަމުން އައި ނައި ދިމާލެއް ނޭނގި ޝިއާއާއި ދިމާލަށް އައި އެތައް ބައިވެރި ކުދި ކުދި އަލިފާން ބޯޅަތަކެކެވެ. ނުވިސްނާ ހުއްޓާ ކުއްލިއަކަށް އެފަދަ ކަމެއް ވެގެން ދިއުމުން، ލިބުނު ސިހުމުގައި ތޫލި ހަޅޭއްކެއްގެ އަޑޫ ބޭރުވެގެން ދިޔައެވެ. ޝިއާގެ ދެލޮލުން ފެނުނީ ސާފު ބިރުވެރިކަމެވެ.
ނަމަވެސް އީތަން ހުރީ ހުށިޔާރު ވެގެން ކަމުން އެހަމަލާއިން ފަސޭހައިން ސަލާމަތް ކޮށްދިނެވެ. އޭނާގެ ކަނޑީގެ ހުނަރުން އެ ހުރިހާ ހަމަލާއެއް ހުއްޓުވިއެވެ.
“ޔޫ އޯކޭ؟” އީތަންގެ ސުވާލަށް ޝިއާ ބޯޖަހައިލިއެވެ.
އޭރުވެސް މިރެއިލް ނުހުއްޓެއެވެ. އެފަދަ ކަމެއް އައިސްދާނެކަން އެނގޭތީ ކަންނޭގެއެވެ. އޭނާގެ މޫނުމަތިން ހާސްކަމެއް ނުފެނެއެވެ. އޭނާ ކިޔަމުން ދިޔަ އެއްޗެއްގައި އިތުރުމީހަކު ބައިވެރިވީހެން ހީވެގެން މިރެއިލް ސިހިފައި އިސްއުފުލާލި ހިނދު ފެނުނު ސޫރައަކުން ސިހިއްޖެއެވެ. މުޅި މީހާއަށް ހުއްޓުން އަރައިގެން ދިޔައިރު ގާތުގައި ތިބި އެހެން މީހުންނަށް ވެސް ވެފައި ތިބީ އެފަދަ ގޮތެކެވެ.
“މާޢިސް؟” މިރެއިލްއަށް ބުނެވުނެވެ. މާއިސް ބޯޖަހައިލިއެވެ. އޭނާގެ މޫނުމަތިން މާޔޫސްކަމާއި ލަދުވެތިކަމުގެ އަސަރު ފެނިގެން ދެއެވެ. ބަހަކުން ބަހެއް އިތުރަށް ނުބުނެ އޭނާ ދައްކާލީ ދުރުގައި އޮތް އޭނާގެ ބައިވެރިންނެވެ. މާއިސް ފެނިގެން ލިއަމްމެންގެ ގާތުގައި ހުރެފައި އަލާނިއަލް ވެސް އައިސްފިއެވެ. ޔަގީނުންވެސް އެތަނުގައި އެވަގުތު ތިބި އެކަކު ވެސް މާއިސްއަކަށް އިތުބާރެއް ނުކުރާނެއެވެ.
“ކީއްކުރަން މިހާރު ތިއައީ؟ މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިތަނަށް އައިސް އަހަރެމެންގެ މަސައްކަތް ސުންނާފަތި ކޮށްލަން ތަ ތިއުޅެނީ؟” ނުރުހުމާއި އެކު އަލާނިއަލް އެއްސެވެ. މާއިސްގެ ދުވަސްވި މޫނުމަތިން ކުރިއަށް ވުރެން ބޮޑަށް ލަދުވެތިކަން ފެނިލިއެވެ. ދެފަރާތައް ބޯހުރުވާލިއެވެ.
“ނޫނޭ، އޭނައަކީ އެއް އިރެއްގަ ވެސް އަހަރެން ރުހޭ މީހެއް ނޫން.. މިދުވަސް މާ ކުރިން ވެސް އަންނާނެ ކަން އެނގޭތި ތައްޔާރުވެގެން މިހުރީ ވެސް.. އެއީ މިހަށީގަ، މިހިތުގަ ހިނގާ ލޭ، އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު.. ދެރަވޭ މިހެން ބުނަން ޖެހުނީމަ ވެސް، އެއީ އަހަރެންގެ ދަރިއެއްކަމަށް ދެކުން ހުއްޓާލިތާ ކިތަންމެ އަހަރެއް ފާއިތު ވެއްޖެ.. އައްޒާމް އާއި ޔާސިރް ގާތުގަ ބުނިން އެދުވަހު ވެސް ތި ހެދީ ގޯހެކޭ! މިއަދު މިއައީ އަހަންނަށް ކޮށްދެވެން އޮތް ކަމެއް ކޮށްދީފަ މިކަންތައް ކޮޅެއްގަ ޖައްސަން!” މާއިސް ވާހަކަ ދެއްކިއެވެ. އޭނާގެ ބަހުގެ ތެދުކަން އެދެލޯ ހެކިދެއެވެ.
“އަހަންނަށް ފެންނަނި މާއިސްއަށް އިތުބާރު ކުރަން.. މިރެއިލް ތި ބޭނުން ކުރާ އުކުޅު ދެން އެނގޭނީ މާއިސްއަށް.. އަހަންނަށް ޔަގީން އޭނާ އެހީ ވެދީފިއްޔާ ކާމިޔާބު ވާނެ ކަން.. އަނެއްކޮޅުން އޭނާ ދައްކަމުން އެދަނީ ވެސް ތެދު ވާހަކަ ތަކެއް.. އެވާހަކަތައް އެގޮތައް މަށައް އިވިފަ ހުރީ ނިއަލްގެ ގަނޑުވަރު ތެރެއިން ވެސް!” ޖެފްރީން ބުނެލިއެވެ. އެހާ ދުރުގައި ހުރެފައި ވެސް ޖެފްރީން ބުނެލި ވާޙަކަތައް ސާފްކޮން އަލާނިއަލްގެ ކަންފަތައް ފޯރިއެވެ. އަލާނިއަލް ގޮތެއް ނިންމުމުގެ ކުރިން ބަލައިލީ ލިއަމްގެ މޫނަށެވެ. އިރުކޮޅަކު ވިސްނާލުމަށްފަހު ލިއަމް ބޯޖަހައިލިއެވެ.
އެއާއި އެކު މާއިސް ވެސް މިރެއިލްއާއި ބައިވެރިވިއެވެ. ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ފެންނަން ފެށިއެވެ. ބާރު ވައިރޯޅީތައް އެއްވެ ފަޒާގެ ތެރޭގައި އެނބުރެމުން ދިޔައެވެ. ހޫނުކަމުން ތިބެން ޖެހުނީ ދާހިތްލައިގަނެފައެވެ. އެއަލިފާންގަނޑުގެ ބާރު މަޑުމަޑުން ކެނޑެމުން ގޮސް އެކީގައި ލޯމަތިން ގެއްލިއްޖެއެވެ. އެހިނދު އަނެއްކާ ވެސް މުޅިތަނަށް ފާއްދާލީ އިރުކޮޅެއް ކުރިން ވެރިވެފައި އޮތް ކަނު އަނދިރިކަމެވެ. އެހެނަސް، އެ އަނދިރިކަމުގެ ތެރޭގައި މާ ގިނަ ވަގުތު ހޭދަކުރާކަށް ނުޖެހުނެވެ. ފަނޑު ފަނޑުކޮން ފެންނަން ފެށީ ބިޔަ އުސް ފާރެކެވެ. ފާރުގެ ކައިރިފަށުގައި ދުރު ދުރުގައި ޖަހާފައި ހުރި ދަންމަރުތަކުގައި ރޯކުރެވިފައި އަލިފާނުގެ އަލި ވެސް ފެންނަން ފެށިއެވެ. ކުރިއަށް ވުރެން މަންޒަރު ސާފްވަމުން ގޮސް ނިއަލްގެ ގަނޑުވަރު ސާފުކޮން ފެނިއްޖެއެވެ. ބިޔައެވެ. އެތަނުގައި އޮތް ހުސްބިމަށް ވުރެން މާ ބޮޑަށް ވެސް އޮތީ ފަހަތައް ދެމިފައެވެ. ޖެފްރީންގެ ބަހުގެ ތެދުކަން ކިތަންމެ ހާވެސް ރީއްޗަށް ފެންނަމުން ދިޔައެވެ.
“އެންމެން ތައްޔާރު!” ލިއަމް އިޝާރާތް ކޮށްލުމުން އުވެއިތް، އޭނާގެ ބާރު އަޑުން ލަޝްކަރަށް އަންގާލިއެވެ. އެހިނދު އެންމެންގެ އުރުން ކަނޑިތައް ނަގައިފިއެވެ.
ނިއަލް ފެނުނީ އެ ގަނޑުވަރުގެ ގޭޓުގެ ކުރިމަތިގައި މަޑުކޮށްލައިގެން ހުއްޓައެވެ. އެ މޫނުމަތި ނިވާ ކުރަން އެއްޗެއް ނެތުމުން ބޮޑުބައެއް ފިހިފައި އޮތް އޭނާގެ މޫނުމަތި އޮތީ ހާމައަށެވެ. އެ ސޫރަ ފެނުމުން އަލާނިއަލްއަށް ސިފަވެގެން ދިޔައީ، އޭނާގެ އަތުގެ ތެރޭގައި އަހަރުތަކެއް ކުރިން ޒީވާއަށް އޮތް ހާލެވެ. އެރޭގެ ހަނދާނެވެ. އެހިނދު ނަފްސަށް ވެރިވެގެން ދިޔައި އަލިފާންފަދަ ރުޅިއެކެވެ. މޫނުމަތިން ވެސް ހީވީ ރުޅިވެރިކަމުގެ އާވިތައް އަރަމުން ދިޔަހެންނެވެ.
“ފައިނަލީ!” ޔަޒަކްއަށް ވެސް ވެފައި ހުރި އެފަދަ ގޮތެކެވެ. އެވަގުތުވެސް އޭނާ ބޭނުން ވީ ނިއަލްގެ ވިހަ ސޫރަ ނޮޅާލާށޭވެ. އޭނާގެ ކަރަށް ކަނޑިޖަހާ ވަސްވެސް ފުހެލުމަށެވެ.
“އޭނާގެ މީހުން ވަރަށް ގިނަ، އަހަރެމެން ބޮލަކަށް ދިހަ މީހުން އެބަތިބި” މިރރެއިލް އިއްވާލިއެވެ. ތެދެކެވެ. އޮތީ ހަމައެކަނި ނިއަލްގެ ވަފާތެރި އަޅުންނެއް ނޫނެވެ. އޭނާގެ ބާރުގަދަ އެކުވެރިންގެ ފައުޖުތައް ވެސް ގިނައެވެ. ގަނޑުވަރުގެ މަތީގައި އުދުހިލަ އުދުހިލަ އެމީހުންގެ އެތައް ބަޔަކު ހަމަލާއަށް ތައްޔާރު ވެގެން ތިބީ، ނިއަލް އެންމެ އިޝާރާތެއް ދެން ދެންނެވެ.
“ނޫނޭ އަހަރެމެންގެ މީހުންގެ ވަކި މަދެއް ނޫން.. ނިއަލްގެ އާރާއި ބާރު އެއީ އެއްޗެއް ނޫން.. އެހެންނަމަ އެހާ ވަރުގަދަ ސީލެއް އަހަރެމެންނަކަށް ނައްތައެއް ނުލެވޭނެ! ފެނުނެއްނު ފުރަތަމަ އައި ވަގުތު އަހަރެމެންގެ މީހަކު އެތަނަށް އެރި ހިނދު ސީލްގެ ސަބަބުން އޭނާ އަނދައިގެން ދިޔަ ގޮތް” މާޔޫސް ވަމުން ދިޔަ މީހުންގެ ހިތްތަކަށް ދިރުމެއް ގެނެސްދޭން ލިއަމް ވާހަކަ ދެއްކިއެވެ. އެހިނދު ލިއަމްގެ ވާހަކައިން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނު ތަން ފެނުނެވެ.
“ތެދެއް.. ޒަބީގް ބޭބެ ވެސް އަދި އައްމާރު ވެސް އަހަރެމެންނާއި ގުޅޭނެ އަހަރެމެން ބަލިކަށި ވަންޏާ!.. އެމީހުން އެއޮތީ ތައްޔާރަށް! އެކަމަކު ހިތްބުނޭ ކާމިޔާބު ލިބޭނެއޭ!.. އެކަކުވެސް ނިއަލްގެ މީހުން ހަމަލާއެއް ނުދެނީސް އެއްވެސް ހަމަލާއެއް ނުދޭތި!.. އަހަރެމެން ތިބޭނީ އަހަރެމެންގެ ރޫހުގަ!” ޒައްޔާން ގޮއްވާލިއެވެ. އެއާއި އެކު އެންމެން އެއް އަޑަކުން އެކަމަށް އެއްބަސްވެ ހިތްވަރާއި ރޫހު އާކުރުމުގެ ގޮތުން ހަޅޭއްލަވައިގަތެވެ.
އެންމެންގެ ތެރެއިން ކުރިއަށް ހިނގައިގަތީ އަލާނިއަލްއާއި ޔަޒަކްއެވެ. އެމީހުން ހުއްޓިލީ ލަސްކަރުގެ އެންމެ ކުރީ ސަފުން ދިހަވަރަކަށް ފޫޓުކުރިއަށެވެ. އެހިސާބާއި ނިއަލްއާއި ފުދޭވަރެއްގެ ދުރުމިން ހުރި އިރުވެސް ނިޔަލްގެ ވިހަ ސޫރަ ސާފު ކޮން ފެނެއެވެ. ދެ މީހުންގެ ނަޒަރު އަމާޒުވުމުން ނިއަލް ޖަހައިލީ މަކަރުން ފުރިގެންވި ބާރު ހިނިގަނޑެކެވެ.
“ހެލޯ މައި އޯލްޑް ފްރެންޑްސް!” އެ ވިހަ އަޑު ސާފުކޮން އަލާނިއަލްއާއި ޔަޒަކްގެ ކަންފަތައް އިވިލިއެވެ. ދެމީހުންގެ މޫނުމަތި އިހުނަށް ވުރެން ހަރާބުވިއެވެ.
“އިޒާން އާއި ހޫރައިން، ރާބިއު އަދި ރުއާ، ހަވާލު ކުރާނީތަ ނޫނީ ގަދަބާރުން ހޯދަންވީތަ؟” ނަފްސަށް ވެރިވެފައިވާ ރުޅިވެރިކަމުގެ ތެރެއިން، ތުރުތުރުއަޅައިގެން ދިޔައިރު ޔަޒަކްގެ އަޑު ނުކުތީ ކަރުބުޑުން ކަހަލަ ގޮތަކަށެވެ. އޭނާއަށް އަތް މުށްކަރުވާލެވުނީ، ނިއަލް ރައްދުކޮށްލި ޖެއްސުމުގެ ހިނިގަނޑުންނެވެ.
“އިޒާންއާއި ރާބިއު ބަހައްޓާ، އެކަމަކު ހޫރައިންއާއި ރުއާނާ ހޯދަން ކަލޭމެންގެ ހައިސިއްޔަތަކީ ކޮބާ؟” ނިއަލް އިއްވާލިއެވެ. ލިއަމްގެ ގާތުގައި ހުރެފައި ޒައްޔާން އައިސް ހުއްޓިލީ އަލާނިއަލްމެން ތިބި ހިސާބުގައެވެ.
“ދެން މަ ކައިރީގަ އަހާބަލަ ހައިސިއްޔަތު! ކަލޭ ތީ ކާކުތަ ރުއާނާ ފޮރުވައިގެން އުޅެން؟ އެވަރުކޮށްފަ އެހުރީ ރާބިއުއާ އަހަރެމެންނޭ! އެއީ އަހަރެމެންގެ ލެއޭ! ކަލޭ ކައިރީގަ ނުކިޔަމެންނު ބިލާލް ދޭށެކޭއެއް! ވަރަށް ރީތިކޮން މިބުނީ ހަވާލު ކުރާނީހޭ ނޫނީ ހަނގުރާމައަށް ދާނިހޭ!” ޒައްޔާންގެ ހަޅޭއްލަވައިގަތެވެ. އޭނާގެ ކެތްތެރިކަން، އިމުން ދެންމެ ދެންމެ ހީވަނީ ފަހަނައަޅާއިގެން ގޮސްފާނެ ހެންނެވެ.
“ރުއާނާ ހިފަހައްޓައިގެން މިއުޅެނީ އުފަން ބައްޕަ! އެއަކު ނެތެންނު މައްސަލައެއް!ހަހަހަ.. މާއިސް ކަލޭ ވެސްތަ؟ އަމިއްލައަށް މަރުވާ ހިތުން ..ހަހަހަ” ނިއަލް އިއްވާލިއެވެ.
“ވަގުތު ބޭކާރު ކުރަން ނުހަދާ، އެތެރެއަށް ވަދެގަނެގެން ނެރެން ޖެހޭ އެންމެން ނެރޭ.. ނޫނީ ފަހުން ދެރަގޮތެއް ވެދާނނެ” ނިއަލް ކިޔަމުން ދިޔަ އެއްޗަކަށް ނުބަލާ މާއިސް، އެހެން މީހުންނަށް އަންގާލިއެވެ.
“އެންމެން އެއްކޮން ނުވަދެ އެއްބަޔަކު ވަދޭ އެތެރެއަށް، އެހެން އެންމެން ތިބެން ޖެހޭނީ ބޭރުގަ.. އެތެރެއަށް ވުރެން ބޭރުން ހަމަލާ ބޮޑުވާނީ.. ނުވިސްނާ ތިއްބަ ޖެހޭނީ އތެރެއަށް ދެމިގަންނަން” އެތަނަށް އައީންސުރެން ބަހެއް ނުކިޔާ ހުރެފައި އަޒްލާން ވާހަކަ ދެއްކިއެވެ. ހަމައެކަނި އޭނާގެ ވާހަކަ އަޑުއިއްވާލީ ލިއަމްއަށެވެ. ލިއަމް އަށް ވެސް އެގޮތް ކަމުގޮސް ބޯޖަހައިލިއެވެ.
“އަހަރެން ވަންނާނަން އެތެރެއަށް” ލިއަމް ވެސް ވާހަކަ ދެއްކީ އަޒްލާންއަށް އެކަނި އިވޭހާ މަޑުންނެވެ.
“އެންމެ ރަނގަޅު، އަހަންނާއި އުވެއިތް ވެސް ދާނަން…ބިލާލް ވީ އެތެރޭގަ.. އެހީތެރިކަން ބޭނުންވާނެ” އަޒްލާން ބުނެލިއެވެ. ލިއަމް ބޯޖަހައިލިއެވެ.
“އަހަރެން ވެސް ދާނަން، ޔޫ މޭ ނީޑް މައި ހެލްޕް” އީތަން ބުނުމުން ޝިއާ ވެސް މަޑުކޮށްލި ހިނދު އަޒްލާންގެ ޖުމްލަ އިވިގެން ބުންޏެވެ. އެމީހުން ކިތަންމެ ސިއްރުން ވާހަކަ ދެއްކި ނަމަވެސް ޝިއާއަށް ފަޙުމްވީއެވެ. ދެމީހުން ވެސް އެކަމާއި އެއްބަސްވީ، ޝިއާގެ ބާރު ފެނިފައިވާތީއެވެ.
“ކޮބާ ބައެއްގެ ދިރިއުޅުމާއި ކުޅެލައިގެން ލިބޭ ހިތްހަމަ ޖެހުމަކީ؟ އަދިވެސް ވާ ވަރު ނުވަނީތަ؟އަހަރުތަކެއް ކުރީން ސުރެން މިއަދާއި ހަމަ ހަމައަށް ތިގޮތުގައި ތިހުރީ، މިތަން ހިމާޔަތް ކޮށް، މިތަނުގެ ވެރިއާއަށް ވެގެން އުޅެވެން އޮތް މީހަކު މިހާ ދަށު ދަރަޖައަކަށް ތި ވެއްޓުނީ! އެންމެ ކުޑަމިނުން ދަރިން ތިބެ އެއް ދަރިއަކު މަރަން ތައްޔާރަށް ތިހުރީ، ނުވިތާކަށް އަނެއް ދަރި ކަލޭހެން ނުބައި ނުލަފާކަމުގެ ހުރިޙާ ގިންތި އެއް އުނގަންނައިދީފަ! ދެން ނެތް ސަލާމަތެއް!” މާއިސްގެ ލޮލުން އައިސް އައިސް ހުރި ކަރުނަތައް ހިންދާލަމުން ބުނެލިއެވެ.
“ކަލޭ ތީ ކާކު ވާހަކަ ދައްކަން؟ކަ-” ނިއަލްގެ ވާހަކަ ކުރިއަށް ގެންދެވުނީ އެހިސާބަށެވެ. ކުއްލިއަކަށް ފެނުނީ ނިއަލް ކުޑަކޮން ވެސް އުއްމީދުކޮށްގެން ހުރި މަންޒަރެއް ނޫނެވެ.
ހުރިހާ އެންމެން ސިއްސުވާލާފައި، ގަނޑުވަރުގެ މަތީގައި ހަރަކާތްތެރިވަމުން ދިޔަ ދިޔަ ނިއަލްގެ ފާރަވެރިވެރިންގެ ތެރެއިން ފުރޭނިގެން އުދުހިފައި އައި މައުވާގެ ދުވެލި ހަލުވިއެވެ. އެމީހުންގެ ލޯތަކަށް ވެސް މައުވާ ފެނުނީ ވައިރޯޅިއެއްގެ ޒާތުގައެވެ. މޫނުމަތި ފޮރުވާލައިގެން ހުރި އިރު އޭނާގެ ސޫރަ ފެންނަގޮތެއް ވެސް ނުވެއެވެ. ހޫރައިންގެ ގައިގާ ބާރަށް ބައްދާލައިގެން ހުރެ އުދުހެމުން އައިސް، ތިރީގައި އޮތް ނިއަލްގެ ލަޝްކަރުގެ ބޯމަތިން އޭނާ އުދުހެމުން ގޮސް އެމީހުން ފަހަނައަޅާ ދެވުނެވެ. ލިބުނު ހިތްހަމަ ޖެހުމުގައި މައުވާއެއް ހުރެވުނީ އިރުކޮޅަކަށެވެ. ސިހި ހުއްޓުން އަރާފައި ތިބި ނިއަލްގެ މީހުން އޭނާގެ ފަހާ ދުއްވައިގަތެވެ.
“އޭތްތް! އޭނާ އަތުލައިގަނޭ!” ނިއަލްގެ ހަރު އަޑުން ގޮވާލި އިރު، އޭނާ ތުރު ތުރު އަޅައިގަތެވެ.
އާހްހް.. ހޫރައިން ދައްތަ! ހޫރައިން ދައްތަ!” އެއައި އަންހެން ކުއްޖާގެ އަތުގެ ތެރޭގައި ހުރީ ހޫރައިންކަން އެންމެ ފުރަތަމަ ފާހަގަ ވީ ޒައްޔާންއަށެވެ. އޭނާ ގޮވާލުމުން ލަޝްކަރު ކުރިއަށް ނުކުމެ އެ އަންހެން ކުއްޖާގެ ފަހަތުން އައި ނިއަލް ފާރަވެރިންތައް ދިން އަލިފާނުގެ ހަމަލާތަކުން ހުއްޓުވާ ،އެމީހުން އަންދާ އަޅިއަށް ހަދާލިއެވެ.
“މައުވާ، އެއީ އަހަރެންގެ އާއިލާ!” ތިރީގައި ހުރި ޒައްޔާންގެ އަޑަށް ވެސް އެވަގުތު މައުވާއަށް އިތުބާރު ނުކުރެވިގެން އެމީހުންނާއި ވެސް ދުރަށް ދިއުމަށް އުޅުމުން ހޫރައިން ގޮވާލިއެވެ. އޭރު މައުވާ ހުރި މާނޭވާ ލެވިލެވިއެވެ. ހަށިގަނޑުގައި ހުރި އެންމެ ފަހު ހަކަތަތައް ވެސް ބޭނުން ކުރެވޭތޯ ދިޔައީ ބަލަމުންނެވެ. ނިއަލްގެ ހަނގުރާމަވެރިން އަލިފާނުގެ ހަމަލާތައް އޭނާގެ ހަށިގަނޑުން އެކި ހިސާބުތަކަށް އަރާފައިވުމާއި އެކު ފެންނަނީ ނުހަނު ވަރުދެރަކޮންނެވެ. މައުވާ ތިރިވަމުން ވަނީ އެ ލަޝްކަރުގެ ތެރެއަށެވެ. ނުހަނު ބޮޑަށް ތިރިވި ދަނޑިވަޅު ބަލާފައި ނިއަލް ދޫކޮށްލި އަލިފާން ބޯޅައެއް މައުވާގެ އަރިކައްޓައް އަރައިފިއެވެ.
“އާތްތްތް!” އިވިގެން ދިޔަ ވޭނީ ހަޅޭކާއި އެކު އޭނާގެ އަތުން ހޫރައިން ވެސް ދޫވިއެވެ. ނަސީބު ރަނގަޅުކަމުން އެންމެގާތައް ހުރެވުނީ އަޒްލާންއަށް ކަމުން ހޫރައިން ވެއްޓުމުގެ ކުރިން އޭނާ ހިފިއެވެ. މައުވާ ވެއްޓި ޖެހުމުގެ ކުރިން ޝިއާ އުދުހިލާފައި އައިސް ހިފަހެއްޓިއެވެ.
“އޭއްއް! ހަމަމިހާރު ހޫރައިން ހަވާލު ކުރޭ!” ނިއަލް ހަޅޭއްލަވައިގަތެވެ. އޭނާއަށް ރައްދު ދިނުމުގެ ގޮތުން ޒައްޔާން މޫނަށް ވެރިކުރުވީ ކާމިޔާބީގެ ހިނިތުން ވުމެކެވެ. އެހިނދު ނިއަލްގެ ރުޅިގަނޑު ފަޅައިގެން ގޮސްފިއެވެ. މޫނުމަތި ރަތްކަމުން ހީވީ އޭނާގެ މޫނުން ވެސް އަލިފާން ކަނި ބުރަމުން ދާ ހެންނެވެ.
“އަރައިގަނޭ! ނިއަލްގެ އިޝާރާތައް ބަލަބަލާ ތިބިމީހުންނަށް ގޮވާލިއެވެ. އެހިނދު ދެން ފެނުނީ ފަރުބަދައަކުން ނުކުތް ހިނިބައިގަނޑެއް ފަދައިން ނިއަލްގެ ލަޝްކަރު، އެމިހުންނާއި ދިމާލަށް އަންނަން ފެށި މަންޒަރެވެ.
“ނުކުމޭ!” ޒައްޔާންގެ ގަދަ އަމުރާއިއެކު އިޝާރާތްކޮށްލުމުން، އޭނާގެ ދެފަރާތުން ސަފުތައް ކުރިއަށް ނުކުމެ ދުއްވައިގަތީ ހައިބަތުން ފުރިގެންވާ ހަލުވިމިނެއްގައެވެ. އެއާއެކު، ހަނގުރާމައިގެ މައިދާން ގުގުމައިގަތެވެ. ދެ ފަރާތުގެ ލަޝްކަރު ބައްދަލުވީ، ކަނޑިތަކުގެ ދަގަނޑު އަޑާއި، ފަޒާގެ ތެރެއަށް އޮހެމުންދިޔަ އަލިފާނުގެ ހޫނު ހަމަލާތަކުގެ ތެރޭގައެވެ. ނިއަލްގެ ފައުޖުން އޮއްސާލި އަލިފާނުގެ ވާރޭގެ ކުރިމަތީގައި ލިއަމްމެން ފަހަތަކަށް ނުޖެހެއެވެ. އެމީހުން ދެއްކީ ހިތްވަރުގަދަ ކަމާއި އާރާއި ބާރެވެ.
ލިއަމްގެ ކަނޑިން ވިހުރެމުން ދިޔަ ވިދުވަރު ފަދަ ހަލުވި ހަމަލާތަކުން ނިއަލްގެ އިސް ސަފުތައް ކުދިކުދިވަމުން ދިޔައެވެ. ކޮންމެ ހޫލައަކާއެކު ލޭގެ ތިކިތައް ސްނޯގެ މައްޗަށް ބުރަމުން ދިޔައީ، ހުދު ސާފު ބިންގަނޑު ރަތް ކުލައިން ފަވާލަމުންނެވެ. ނިއަލްގެ ފައުޖުން އޮއްސާލި އަލިފާނުގެ ހޫނު އުންޑަތަކާއި ބޯ ދުންގަނޑުގެ ތެރެއިން، އެމީހުން ދައްކާލީ އާދަޔާޚިލާފު ހުށިޔާރުކަމެކެވެ.
އެމީހުންގެ އަތްތިލައިން ނެރެމުން ދިޔަ އަލިފާނުގެ ފަރުދާތަކުން، ދުޝްމަނުން ފޮނުވި ހަމަލާތައް ހިފަހައްޓައި، ވައިގެ ތެރޭގައި އެއްބައި ހަމަލާތައް ގޮއްވާލަމުން ދިޔައެވެ. އަދި އަނެއްބައި ހަމާލަތައް، އޭގެ މިސްރާބު ބަދަލުކޮށް އަނބުރާ ދުޝްމަނުންނަށް ރައްދުކުރަމުން ދިޔައީ އާދަޔާޚިލާފު އަވަސް މިނެއްގައެވެ. އެއިން ކޮންމެ ހަމަލާއެއް ވެސް ތަރުތީބުވެފައިވަނީ ރޭވުންތެރިކަމާއިއެކުއެވެ. މި މަންޒަރަކީ ހަނގުރާމައެއްގެ ބިރުވެރިކަމަށްވުރެ ބޮޑަށް، އެމީހުންގެ ބާރު ނިއަލްއަށް އިޙްސާސްކޮށްދިން މަންޒަރެކެވެ.
މުޅި މައިދާން ހަލަބޮލިވެ، ބިރުވެރިކަމުގެ ރާޅުބާނިތައް އުފެދިފައި ވަނިކޮށް، އެންމެންގެ ހިތްތައް ސިއްސުވައިލީ އަޒްލާންގެ ކިބައިން ފެނުނު އާދަޔާއިހިލާފު ކަމަކުންނެވެ. އޭނާ ސާބިތުކަމާއެކު ކުރިއަށް ޖެހިލައި، ހާމައަށް ދެއަތްތިލަ ހުޅުވައިލި ހިނދު، ހީވީ އޭނާގެ ވަށައިގެން ނުފެންނަ ވަރުގަދަ އައްޑަނައެއް ބިނާވި ހެންނެވެ. ތަފާތު ބާރެކެވެ. އަޒްލާންގެ ވަށައިގެން ނުފެންނަން ވައިރޯޅިއެއް ހަރަކާތްތެރިވަމުން ދާހެންވެސް ހީވެއެވެ. އެހިސާބުގައި އުފެދިފައިވާ ވައި ވެސް އާދަޔާއިހިލާފަށް ހަރަކާތްތެރިއެވެ. ނިއަލްގެ ލަޝްކަރުން ފޮނުވާލި ހޫނުގަދަ އަލިފާން ބޯޅަތަކާއި، ގަދަފަދަ ހަމަލާތައް އަޒްލާންގެ ހަށިގަނޑާ ގާތްވުމާއެކު، އެ ބާރުގަދަ ރޯޅީގެ ތެރެއަށް ދަމައިގަނެ، ހިމޭންކަމާއި އެކު ނެތިދިޔައީ އެ މަންޒަރު ބަލަން ތިބި އެންމެން އަޖާއިބުކުރުވަމުންނެވެ. އަޒްލާންގެ އެ ބާރުގެ ސަބަބުން ދުޝްމަނުންގެ ބޮޑެތި ހަމަލާތައް ބޭކާރުވެ، އެމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އަދި އޭނާ ދެމުން ދިޔަ ކޮންމެ ހަމަލާއެއްގައި ދުޝްމަނުންގެ ގިނަ ބަޔަކު ވެސް ދިޔައީ މަރުވަމުންނެވެ.
“ރަނގަޅުތަ؟” ޝިއާ ވާހަކަ ދެއްކީ މައުވާއާއެވެ. އޭނާ އަތް ބީއްސާލީ މައުވާގެ އަރިކަށީގައިވި ޒަހްމްކޮޅުގައެވެ. އެހިސާބު ވަނީނުހަނު ބޮޑަށް ފިހިފައެވެ. މައުވާގެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތަކާއި އެކުވެސް ހިތްވަރު ކުރަމުން ދިޔައީ ކެތްތެރިވެގެން ހުރެވޭތޯއެވެ. މައުވާގެ މޫނުމަތީގައި އޮތް ފޮތިގަނޑު ނަގާ ތިރިކޮށްލީ ކޮލުން ވެސް ތަންކޮޅެއް ފިހިފައި ވާތީ، އެ ފޮތިގަނޑުން ބައެއް އެހިސާބުގައި ކޭއްތެމުން ދާ އިރު ތަދު އިޙްސާސްވާވަރުނެވެ. ދުޝްމަނުންގެ ފުށުން އަންނަމުން ދިޔަ އަލިފާނުގެ ވާރޭއިން ދެ އަންހެން ކުދިން ހިމާޔަތް ކޮށްދިނުމުގައި ހަތަރު ފަރާތުގައި ހަތަރު މީހުން ތިއްބެވެ. މައުވާގެ މޫނު ފެނުމުން އެ ނުތަނަވަސް ވަގުތުވެސް ޝިއާ ހީލިއެވެ. އޭނާ ހިފައިގެން އިން ފޮށިން މައުވާގެ ޒަހަމްކޮޅު ސާފްކޮށްލަދިނެވެ. އަދި އެ ފޮށިން ނެގި ފުޅިއެއްގައި ހުރި ފެނެއް އެތަނަށް އަޅާލިއެވެ. އެހިނދު އަރައިގެން ދިޔަ ކުއްލި ދިލައިން މައުވާއަށް ރޯންފެށުނެވެ.
“އިޓްސް އޯކޭ، އިރުކޮޅެއް ވާނީ، ޔޫ ވޯންޓް ފީލް އެނީ ޕެއިން.. ޓްރަސްޓް މީ!” ޝިއާ ދިޔައީ ފުމެދެމުންނެވެ. އޭނާ ބުނިހެން މިނެޓެއް ފާއިތުވެގެން ދިޔައިރު މައުވާގެ ޒަހަމްކޮޅުގައި އަޅަމުން ދިޔަ ވޭން ކެނޑިއްޖެއެވެ. އަދި އެތަނުގައިވާ ފާރުގަނޑު އިނީ ލަކުނަށް ވެފައެވެ. އެތަނުގައި ހިނގާ ކޮންމެ ކަމަކީ ވެސް އާދަޔާއި ހިލާފަ ކަމަކަށް ވާއިރު އެކަމާއި މައުވާ ނުވިސްނިއެވެ.
“ދޫނުކޮށްލާތި އެއްވެސް މީހަކު އެންމެ ހިނދުކޮޅަކަށް ވެސް… ބައްޕަގެ ގަނޑުވަރަށް ގެންދާނީ” އީތަން ވާޙަކަ ދެއްކީ މިރެއިލްއާއި މާއިސް އަދި ހޫރައިން އެތަނުން ގެންދިއުމަށް އުޅުނު މިރެއިލްގެ ފާރަވެރިންނާއި އެވެ. އެމީހުން ޔަގީން ކަން ދީފައި އެތަނުން ދިޔައީ ތިން މީހުން ގޮވައިގެންނެވެ. ހުއްޓުން އެރީ، ހަނގުރާމައިގައި ބައިވެރިވުމަށް ބާކީ ތިބި މީހުންނާއި އެކު އީތަން ކުރީ ސަފަށް މިސްރާބު ޖެހި ހިނދު ޝިއާއާއި އެކު ހުރި އަންހެންކުއްޖާގެ ސޫރަ ފެނުމުންނެވެ.
“މައުވާ؟” ޔަގީންނުވެފައި ހުރެ ގޮވާލެވުނެވެ. ދަންނަ އަޑެއް ހެން ހީވެގެން ކަންނޭގެއެވެ. މައުވާ ވެސް ސިހިފައި ބަލައިލިއެވެ. އީތަން ފެނުމާއި އެކު ސިހިގެން ގޮސް މައުވާއަށް ވެސް ތެދުވެވުނެވެ.
“ސޯ އީތަން ވެސް ދޯ؟” އީތަންއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން މައުވާއަށް އެހުނެވެ. އީތަން ބޯޖަހާލާފައި ވެސް އެވަގުތު އިތުރު ވާހަކަ އެއް ދައްކާކަށް ނޫޅުނެވެ.
“ހިނގާ އެތެރެއަށް ވަންނަން.. ބިލާލް އެބައުޅޭ ރުއާނާ ހޯދަން… ރުއާނާ އެދިއައީ އިޒާން ހޯދަން.. އަހަރެން މިއައީ އަންނާނެ ކަމުގެ ޔަގީން ކަން ދީފަ” މައުވާ ވާޙަކަ ދެއްކިއެވެ.
” އޯކޭ، ކިހިނެތް އެތެރެއަށް ވަންނާނީ؟ މިހާ ހަނގުރާމަ ބާރު ބޮޑު ވަގުތެއްގަ އެމީހުންނަށް ސިއްރުން ޖެހޭނީ ވަންނަން ވެސް” އީތަންގެ ވާހަކަ އެހިސާބަށް ދިޔަ ހިނދު ލިއަމްއާއި އަޒްލާން އައިސް މަޑުކޮށްލިއެވެ. މައުވާ ފެނުމުން ލިއަމްވެސް ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ހާލަތުގެ ނާޒުކު ކަމުން ބޭކާރު ކަމަކާއި ސުވާލު ކުރުމުގެ ޖާގައެއް އެއް ވެސް ނެތެވެ. އެމީހުންގެ ސުވާލަކާއި ނުލާއި އެތެރޭގެ ހާލަތު މައުވާ ކިޔައިދިނެވެ. މިސްވާގެ ވެއެވެ.
“ކިހިނެތް ސިއްރުން ވަންނާނީ! އެތެރޭގަ ވެސް މީހުން! ބޭރުގަ ވެސް މީހުން!.. ގަނޑުވަރު ވަށައިގެން ވެސް މީހުން!…ޖެހޭނީ މިތަނަށް އަހަރެން މި ފޭބި ހެން ހަމަ އެތެރެއަށް ވަންނަން.. އެ ނޫން އެއްވެސް ގޮތެއްނެތް.. އެންމެން އެއްކޮން ގޮސް، އެއްބަޔަކު ޖެހޭނީ ވަންނަ ދޮރާއި ހިސާބުން މިސްރާބު ބަދަލުކޮށްލާފަ ފިލަން.. ދެން އެހިސާބުން އަނެއް ބަޔަކު ޖެހޭނީ އެމީހުން ފަހަތުން އަޅުވާލީމަ ބޭރަށް ނުކުމެގެން އަލުން މިކޮޅަށް އަންނަން .. އޭރުން ދެބައި މީހުންނަށް ވެސް ރިސްކު ކުޑަ” މައުވާ، އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތް ކިޔައިދިނެވެ.
“އެކަމަކު އޭރުން ވެސް އެމީހުންނަށް މިސްރާބު ބަދަލު ކޮށްލާ މީހުން ވެސް ފެންނާނެ އެންނު.. އެމީހުން އެހާ ގަމާރެއް ނުވާނެ މައުވާ.. އަހަރެމެން ތިންމީހުން ގޮސްފިއްޔާ އެމީހުންގެ ބާރަ މީހުން އަންނާނެ މި ތިންމީހުން ފަހަތުން ވެސް” އެ ހިޔާލު ކަމު ނުގޮސްގެން ލިއަމް ބުންޏެވެ.
“ޕިސް، އަހަރެން އެހިސާބުން ގޮތެއް ހަދާނަމޭ.. އަހަރެން ފެންނަން މިތާގަ ހުއްޓަސް ފުރާނަ ވެއްޖެ އެތެރޭގަ.. އަވަސް ކޮށްފަ ގޮތެއް ނިންމާ.. އަހަންނާއި އެކު އެތެރޭގަ މަޑުކުރާނީ ކާކު؟” މައުވާ ހުރީ ހިތް އަވަސްވެފައެވެ.
“ތި ތިންމީހުން ދޭ އޭނައާއި އެއްކޮން އެތެރެއަށް.. އަހަންނާއި މިތަނުން ދެތިން މީހަކު ދާނަން އެނބުރި އަންނަ ގޮތައް.. ތި އެންމެންނަށް ވުރެން އަހަރެން ހަލުވި ވާނެ” އެއްމިޔަކަނުން ހީލައިގެން ހުރެ ޝިއާ ބުނެލިއެވެ.
“މައްސަލައެއް ނެތް.. މައުވާގެ ޕްލޭން ވެސް ބުނެގެން އުޅޭ.” ލިއަމް ގޮވާލިއެވެ. ނަމަވެސް މައުވާ ޖަވާބެއް ނުދިނެވެ. ފިޔަގަނޑު ނެރެލަމުން މައްޗަށް އެރިއެވެ. ޒައްޔާންއާއި އެހެން މީހުންނަށް، އެމީހުން ވަންނަން އުޅޭކަން ލިއަމް އަންގާލިއެވެ. އަދި ޝިއާއާއި އެކު ދިއުމަށް އެތަނުން ދިހަ ވަރަކަށް ފާރަވެރިން ވެސް ތައްޔާރުވެލިއެވެ.
“ގޯ!” ލިއަމް އަންގާލުމުން މައުވާ އުދުހިގަތެވެ. އޭނާގެ ފަހަތުން އެހެން މީހުން ވެސް ވަނެވެ. ނިއަލްގެ ބައިގަނޑުގެ ބޯމަތިން ހަލުވި ދުވެލީގައި އުދުހެމުން ދިޔައެވެ. ގަނޑުވަރުގެ ގޭޓާއި ހިސާބުން އުއްމީދު ކުރިގޮތައް ނިއަލްގެ ފާރަވެރިންގެން ބައިގަނޑެއް ފަހަތު އަޅުވާލިއެވެ. އެހިނދު މައުވާ މަޑުޖެހިލަމުން ދޫކޮށްލީ ކަޅުކުލައިގެ ބޯ ދުންގަނޑެކެވެ. އެމީހުންނަށް މަހައުލުން އެކައްޗެއް ވެސް ފެންނަވަރުވީ އިރުކޮޅެއް ފަހުންނެވެ. އޭރު މައުވާގެ ފަހަތު ލިއަމް މެން ދިޔުމުން ޝިއާ އާއި އޭނާގެ ބައިވެރިން އަލުން ގޭޓުން ބޭރަށް ނުކުމަންނަން ދިޔައެވެ.
***
ރުއާނާއަށް، ގަނޑުވަރުގައި އޭނާ އުޅުނު ބަޔަށް އެރުނު އިރު ހުރެވުނީ ދާ ހިތްލާ ފޯވެފައެވެ. މުޅި އެ ސަރަހައްދަށް ވަނީ މަރުފަދަ ހިމޭންކަމެއް ވެރިވެފައެވެ. ފެންނަ ފެނުމަށް އެއްވެސް މީހެއްގެ ހިލަމެއް ނެތް ނަމަވެސް، ބިލާލްމެންގެ މަކަރުވެރިކަން ހިތައް އަރާފައި ރުއާނާ މަޑު ޖެހިލިއެވެ. ނޭނގި ހުއްޓާ ވެސް ބިލާލް އާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާގެ ފާރަވެރިލޯތަކުން ހޯދަމުން އައިސް، ކޮންމެ ފަދަ ވަގުތެއްގައިވެސް ކޮޅުބެދޭ މަޅިއެއްގައި ޖައްސަފާނެއެވެ. އިޒާން ހޯދުމަށް ހިނގައިގަތުމުގެ ކުރިން އޭނާގެ އިޝާރާތެއް ވޭތޯ އިރުކޮޅަކު ބަލަން ހުރުމަށް، ރުއާނާ އިށީންދެލީ އެބައިގެ ކޮރިޑޯ ވަކި ކުރަން ރޭނިފައިވާ ތިރި ފާރުބުރީގެ ބިއްދޮށުގައެވެ.
“ލިއަމްގެ ބައްޕަ އެފަދަ ނިކަމެތި ހާލެއްގައި ދޫކޮށްލާފައި، އަހަރެން ފިލައިގެން އެހާ ފަސޭހައިން ނުދާނެކަން މި އުޅޭ ބިލާލްއަށް އެނގޭނެ.. ހޯދަމުން ހޯދަމުން އައިސް ކޮންމެ ފަދަ ވަގުތެއްގަ ވެސް ވައްޓާލަފާނެ” ރުއާނާ ދޫ ކޮށްލީ ފިނި ނޭވާއެކެވެ. ފާރުގައި ހެދިފައިވާ ބާކޮޅުން ރުއާނާގެ ކޮޓަރިއާއި، އިޒާން އޮތް ކަމަށް ދަރަކު ބުނި ކޮޓަރީގެ އިތުރުން އެ ކޮޓަރި ބަރި ހުރި މަގު ނުހަނު ރީތިކޮން ފެނެއެވެ. އެހެން އިންނަތާ ގިނަ އިރެއް ނުވަނީސްދުރުން ފިޔަވަޅެއްގެ އަޑު އޭނާގެ ކަންފަތައް ފޯރައިފިއެވެ. މާހައުލު ހަމަހިމޭން ކަމުން ލަމުންދާ ނޭވާގެ އަޑުވެސް ސާފްކޮން އިވެއެވެ. އެކަމާއި ހުރެ ރުއާނާ ހުރީ ނުތަވަސް ވެފައެވެ.
ހިތުގައި އޮތް ކުޑަ ބިރުވެރިކަން ބޮޑުވެގެން ދިޔައީ، ގާތް ވީވީހެން އެ ފިއަވަޅުގެ އަޑު ނަގައިގަނެވުމުންނެވެ. އެއީ ބިލާލްގެ އަޑެވެ. ޔަގީންވީ ރުއާނާގެ ނަމުން ބިލާލް ގޮވަން ފެށުމުންނެވެ.
“ރުއާނާ!.. ރުއާނާ!” ބިލާލްގެ ރުޅިވެރި އަޑު ގުގުމަމުން ދިޔައ އިރު އޭނާގެ ހަރަކާތް ވެސް ހަލުވިއެވެ. އެއައި ބާރުމިނުގައި ރުއާނާގެ ކޮޓަރި ދޮރުފަތް ވެސް ހުޅުވާލީ ހަށީގައި ހުރި ބާރެއްލާފައެވެ. އެކަމުގެ ސަބަބުން ދޮރުފަތައް ވެސް ގުޑުން އަރައިގެން ދިޔައެވެ.
“ނުކުމޭ ހުރިތާކުން! އަހަންނަށް އެނގޭ ކަލޭ މިތާގަ ފިލާ ހުރިކަން.. އަހަންނަށް އިހުސާސް ވޭ! ނުކުންނާށޭ!.. ” އެބަރީގެ ފަހަރަކު ދޮރެއް ހުޅުވަމުން ގޮސް ނުފެނުމުން ބިލާލް އިހުނަށް ވުރެން ބާރަށް ހަޅޭއްލަވައިގަތެވެ. ބިލާލް ދޫކޮށްލީ އިޒާން އޮތް ކޮޓަރީގެ ދޮރު އެކަންޏެވެ. އެ ދޮރުގައި އަޅުޥާފައިން ބޮޑު ތަޅު ވެސް ރުއާނާއަށް ފާހަގަވީ އެވަގުތުއެވެ. އިޒާން ހަމަ އެތާގައި އޮތްކަން އެކަމުން އޭނާއަށް ޔަގީން ވެއްޖެއެވެ. އެނޫންނަމަ ބިލާލް އެދޮރު ވެސް ހުޅުވީސްތާއެވެ. އެހެން އިންދާ ދުރުގައި ހުރި ހުރިޙާ ކޮޓަރިއަށް ބެލުމަށްފަހު ރުއާނާ އިން ހިސާބާއި ގާތައް ބިލާލް އަންނަން ފެށިއެވެ. އެހިނދު ހިތުގެ ތެޅުން ދެގުނަވިއެވެ.
“ކަލޭ ރީތި ގޮތުގަ ހަވާލު ވެއްޖެއްޔާ، ފަހަރެއްގަ ދުލެއް ދިނުމާއި ދޭތެރޭގައި ވިސްނާނަން! ރުއާނާ! ނުކުންނާށޭ!” ބިލާލް އަޑުގަދަކުރަމުން އައިސް ހުއްޓުނީ ސިދާ ރުއާނާ އިން ފާރުބުރިއާއި ގާތުގައެވެ. ބިރުން ތުރުތުރުއަޅަމުން ދިޔަ ހިނދު އަނގަމަތީގައި ރުއާނާއަށް އަތް އަޅުވާލާ ބާރުކޮށްލެވުނެވެ.
****
(ނުނިމޭ)
ހިރާސް 2 (26)
It’sss sooooo good MASHA’ALLAH 😍👏🏻 can’t wait for the next part … Keep it up girl 💪🏻
Masha Allah alhey Vvvvvvv reethi kiyaahithun indha nimunu iruves neyngun
So so so so so curioussss?????
Alhey you ended with a cliff hanger!!
Ma this part was epic!!
Loved it!
Then vaane gothaka medhu I’m so curious!!
Waiting for next