ހިރާސް 2 (25) – Vaahaka by Ann
ހިރާސް (ސީޒަން 2)

ހިރާސް 2 (25)

“ޖެ..ފް..ރީ..ން؟”
ކޮންމެ އަކުރެއް ލިއަމްގެ އަނގައިން ނުކުތީ ނުހަނު ލަސްލަހުންނެވެ. ކުރިމަތީގައި އެހުރީ ރުއާނާގެ އެކުވެރިޔާ ޖެފްރީންއެވެ. ނީރާގެ ލޯބިވެރިޔާ ވެސް މެއެވެ. އޭނާ ހީކޮށްގެން ހުރީ އެއީ ރަނގަޅު ޒުވާނެއް ކަމުގައެވެ. ލިބިފައިވި ސިހުން ފަނޑުވެ ރުޅިވެރިކަމުން މުޅި މޫނު ފެވިއްޖެއެވެ.
****
“ކަލޭ؟” ލިއަމް އައި ބާރު މިނުގައި ހިފައިގަތީ ޖެފްރީން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައެވެ. ދަމައިގަތް ގޮތައް ފާރަށް ޖެފްރީނު ތަތްކޮށްލި އިރު ލިއަމްގެ ދެލޮލުން ހީވީ އަލިފާން ކަނި ބުރައިގެން ދިޔަހެންނެވެ. ލިއަމް، އޭނާގެ ކަރަށް ފިތައިގެން ގޮތުން ޖެފްރީންއަށް ވާހަކަ ދެއްކުންވެސް ނުކުޅެދުނެވެ. ނޭވާ ހާސްވެގެން ތެޅިފޮޅެންފެށިއެވެ.
“ކޮބާ ރުއާ؟ ކޮބާ ހޭ؟ ކަލެއާއި މިކަމުގަ ހުރި ގުޅުމަކީ ކޮބާ؟ މާއިސްގެ ގެއިން ކަލޭ ފެންނަން ޖެހުނީ ކީއްވެ؟ އޭންން! ”
“ދޫ..ދޫކޮށްލަބަލަ.. ރު-“ޖެފްރީންގެ އަޑު ނުކުތީ ކިރިޔާއެވެ. އޭނާ ދިޔައީ ވާހަކަ ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.
” ތިހާ ވަރު ނުކޮށްލިއަކަސް މަ ކިޔައދިފާނަމޭ..ހަހަހަ އެހެންނޫނީ އަހަރެން މަރުވީމަ އެ ސިއްރު ވެސް ސިއްރެއްގެ ގޮތުގަ އޮވެ ނިމިގެންދާނެ.. އޭރުން ކަލޭމެންނަކަށް ރުއާނާއެއް ވެސް ނުފެންނާނެ..” ލިއަމް ދޫކޮށްލުމުން ޖެފްރީންގެ މޫނުން ދައްކާލީ ޒާތެއްގެ ކުލައެކެވެ. ކުރިން، ނީރާއާއި އެކު ޖެފްރީނު ފެނުނު އިރު އެމޫނުމަތިން ފެނުނު ހިތްހެޔޮ ކަމުގެ އެއްވެސް ކުލަވަރެއް މިހާރު އެ މޫނަކު ނުވެއެވެ.
“ކަލޭ-” ލިއަމްގެ ދުލުން އެ ބަސް ބޭރުވީ އިތުރު ޖުމްލައެއް ފުރިހަމަކުރަން ނުކުޅެދިފައިވާ ފަދަ ހާލުގައެވެ. ހީވީ ކެތްތެރިކަން ކޮޅުންލައިގެން ގޮސްފާނެ ހެންނެވެ. ހަށިގަނޑުގައި ހިނގަމުންދިޔަ ލޭގެ ހޫނުމިން އިންތިހާއަށް އުފުލިގެން ދިޔައެވެ. ލިއަމްގެ އަޅި ދެލޮލަށް ކްރިމްސަން ކުލަ ވެރިގަތެވެ. ދަތްކުޑި ވިކައިގަންނަމުން، އަނެއްކާވެސް ޖެފްރީނުގެ ކަރުގައި ބާރަށް ހިފައިގަތެވެ. ނަމަވެސް، މަރުގެ ތުންފަތްމަތީގައި ހުރި އިރުވެސް ޖެފްރީނުގެ މޫނުމަތިން ސިހުމުގެ ކުލަވަރެއް ނުފެނުނެވެ. އޭނާ ހުރިގޮތަށް ހުރެ، އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޖަހައިލީ މުޅި މާހައުލު ގުގުމައިގެންދިޔަ ހިނިގަނޑެކެވެ.
“ބުނާނީތަ ނޫނީ މަރުވާންތަ ބޭނުމީ.. ކަލޭ ނުބުންޏަސް އެނގޭނެ ކިތަންމެ ގޮތެއް އެބަހުރި” ލިއަމްގެ އަނެއް ފަރާތުގައި ޒައްޔާން އައިސް މަޑުކޮށްލިއެވެ.
“އެހެންވީ އިރު މިހުރިހާ ދުވަހެއް ވީ އިރު ވެސް އެނގެންވީއެންނު.. ބަލި ގަބޫލު ކޮށްބަލަ.. ކިތަންމެ ބޮޑު ލަޝްކަރެއް އޮތަސް ނުވާނެ ކަންކަން ހުންނާނެ.. ހަހަހަހަ” ޖެފްރީން ހުއްޓުމެއްނެތި ދިޔައީ ހެމުންނެވެ. އެކަމުން ކެތްތެރިކަމުގެ އިން ފަހަނައަޅައި، ލިއަމްގެ ރުޅިވެރިކަން ކޮންޓްރޯލުން ނެއްޓުނެވެ. ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މުށްކެވުނު އަތުގެ ބާރުގަދަ ހަމަލާތައް ޖެފްރީނުގެ މޫނަށް އަމާޒުވީ ވިދުވަރެއް ފަދަ ހަލުވި މިނުގައެވެ. ހިނދުކޮޅެއްގެ ތެރޭގައި ޖެފްރީންގެ އަނގަޔާއި ނޭފަތުން ރަތް ލޭގެ ކޯރުތައް އޮހޮރިގަތް ނަމަވެސް، އެ މޫނުމަތީގައިވި މަލާމާތުގެ އަސަރު މުޅިއަކުން ފިލައިގެނެއް ނުދިޔައެވެ. ބިންމައްޗަށް ދެމުނު އިރުވެސް، އެ މަކަރުވެރި ހިނިތުންވުން ހުރީ ތުންފަތްމަތީގައި ކުރެހިފައެވެ.
” ކޮބާ ހޭ ކަލެއާއި މާއިސްގެ އޮތް ގުޅުމަކީ؟ ކީއްވެހޭ އެތަނުގައި ފުރިބާރުވެ އޮންނަ މީހުންތައް މިއަދު ނެތީ؟ ކީއްވެހޭ އެކަކު ނެތިވެސް ކަލޭ އެތަނުން ފެންނަން ވީ؟” ލިއަމް ދިޔައީ ސުވާލަކަށް ފަހު ސުވާލެއް ކުރަމުންނެވެ.
“ކަލެމެންނަކަށް އަދިވެސް ނޭނގޭދޯ ނީލް އަކީ ކާކު ކަމެއް؟ މިބުނީ ހޫރައިންގެ ކުރީގެ ފިރިމީހާ، ބިލާލްއާއި ރުއާނާގެ ބައްޕައަކީ ކާކު ކަމެއް ނޭނގޭދޯ؟ ޒީވާ ޖަލުން ނެރެ އަދިވެސް އިޒާން އެ ޖަލުގައި ހޭދަ ކުރަމުން ދަނީ ކީއްވެކަމެއް ވެސް ނޭނގޭތަ؟ ޝައްކުވެސް ނުވަނީތަ؟ ނޫނީ ކަލޭމެން ގަމާރީތަ؟” ޖެފްރީން، ލިއަމްއާއި ސުވާލުކުރިއެވެ.
“ކާކުތަ އެއީ؟ ކީއްވެތަ ބަދަލް ހިފަންވީ އިޒާން ކުރެން؟ އޭނައެއީ މީހަކަށް އަނިޔާއެއް ދިން މީހެއް ނޫން.. ” އިޒާންގެ ދިފާއުގައި ޖެފްރީން ކުރެން ސުވާލު ކުރީ ޔަޒަކްއެވެ.
“އުޙޫން.. އަހަންނަކީ ރުއާނާގެ ބައްޕަގެ އަޅެއް.. ރުއާނާގެ ބައްޕަ އަކީ ތި އެންމެން ވެސް ދަންނަ މީހެއް.. ނީލް އެއް ނޫން.. އެކަމަކު ނިއަލް.. މިހާރު އެނގިއްޖެތަ..ހަހަހަ” ޖެފްރީން ބުނެލި ޖުމްލައިން ސިހުނީ އަލާނިއަލްއާއި ޔަޒަކްގެ އިތުރުން ޒާހީއެވެ. ތިން މީހުންގެ ދެލޯ ބޮޑުވެފައި ވީ އިރު ލިއަމްއާއި ޒައްޔާންއަށް ވެސް ކުރުވީ ނުބައި އަސަރެކެވެ. ލިއަމްއަށް ތެޅިގަނެވުނު އިރު، ޖެފްރީންގެ ގައިން ދޫކޮށްލެވުނެވެ.
“ނިއަލްއޭ؟ ކަލޭގެ ދޮގު ތަކުގައި ޖެހި ތިބޭނެ ވަގުތެއް ނެތް.، ތެދައް ޖަވާބު ދީ އެހެން ނޫނީ ވަރަށް ގޯސްވާނެ”މިފަހަރު ޥާހަކަ ދެއްކީ އަލާނިޔަލްއެވެ. ހިސާބަކަށް ތުރުތުރު ހިފާލާފައިވި އަޑުން އެކަނިވެސް އެ ހަބަރުން އަލާނިއަލްއަށް ވެފައިޥާގޮތް ސިއްރެއް ނުވެއެވެ.
“މިއީ ތެދު.. ނިޔަލްގެ ގައިގާ އިޒާން ތަޅަމުން ތަޅަމުން ގޮސް ދުރަށް އެއްލައިލީ މަރުވީ ކަމަށް ނިންމާފަ.. ހަގީގަތުގައި މަރެއް ނުވޭ.. އެކަން އެނގޭނެ އިޒާންގެ ބައްޕައަށް ވެސް ޔަޒަކްގެ ބައްޕައަށް ވެސް..ސަބަބަކީ މާއިސް އަކީ އެންމެ ގާތް އެކުވެރިޔާއަށް ވީމަ ނިއަލްއަށް ދެވަނަ ފުރުސަތެއް ދިން މިހަކީ ޔަޒަކްގެ ބައްޕަ ޔާސިރް.. އެދުވަހު ތި އެންމެންގެ ލޯމަތިން ނިއަލް ގެންދިޔަ ނަމަވެސް ހަގީގަތުގައި ނިޔަލް ގެންގޮސް އައްޒާމް އާއި ޔާސިރް ވެގެން އޭނާއަށް ފަރުވާކުރި.. ދެވަނަ ފުރުސަތެއް ދިނީ މާއިސްއަށް ވެސް ނޭނގި.. އަމިއްލަ ދަރިއެއް ނަމަވެސް މާއިސް ދުވަހަކުވެސް ނިއަލްއަކަށް އިތުބާރެއް ނުކުރޭ.. ގާތް ދެ އެކުވެރިން އޭނައަށް ބަލާފަ އެކަމަކު ނިއަލް އެދުވަހު ދޫކޮށްލީ.. ދޫކޮށްލިތާ މާ ފަހުން އެނގުނީ މާއިސްއަށް ..އޭނަ އެދުވަހުވެސް ބުނި ތިކުރެވުނީ ވަރަށް މޮޔަކަމެކޭ.. ނިއަލްއަށް ވާހަކަ ދެއްކޭ ވަރު ވުމުން އައްޒާމްއާއި ޔާސިރްގެ ގާތުގަ ބުނި ދެން ދުވަހަކުވެސް އެމީހުންގެ ދިރިއުޅުމަށް ހިޔަނި އެޅޭ ވަރުގެ ކަމެއް ނުކުރާނަމޭ.. އެ ޔަގީން ކަން ދިނީމަ އައްޒާމްއާއި ޔާސިރް ވެސް، އޭނައަށް މާފް ނުކުރި ނަމަވެސް ހިތްހަމަ ޖައްސާލައިގެން ތިބީ.. އޭގެ އެތައް އަހަރެއް ފަހުން އޭނާގެ މަތިން އެންމެން ހަނދާން ނެތުނީމަ އޭނަ ނުކުތީ ބަދަލު ހިފަން.. ނިއަލްގެ މުޅި ހަށިގަނޑާއި މޫނުމަތީގައި އެވާ ޒަހަމަކީ އިޒާންގެ ފަރާތުން ލިބުނު ޒަހަމް.. މިއީ ނިއަލްގެ ގަނޑުވަރުގެ ތެރެއިން މަށައް މިވާހަކަ އިވުނު ގޮތް.. ބިލާލްގެ ފަރާތުން.. އަހަންނަކީ އެންމެ ކުރީން ސުރެން ވެސް އެމީހުންގެ އެހީތެރިއެއް.. އެކަމަކު އެތަނުން ފިލައިގެން ނުކުތީ އިތުރަށް އެކަމުގައި ނޫޅެން.. އެހެންވެ އެމީހުން އަހަރެން ހޯދަން ވެސް ނުކުމެ އުޅެނީ.. ފިލަން ވެގެން އެތަނުގައި ހުއްޓަ ތިފެނުނީ.. އަހަންނަކަށް ވެސް ނޭނގޭ މާއިސް ވީ ތަނެއް.. އެކަމަކު ހިތް ބުނޭ ބިލާލްގެ ކަމެކޭ އެއީ.. ނޫނީ ނިޔަލް” ޖެފްރީން ވާހަކަ ދެއްކިއެވެ. އެ ވިހަ މޫނުމަތިން އެ ވާހަކަ ތައްކިޔައިދިން އިރު ފެނުނީ ސީރިއަސް ކަމެވެ.
އެކަކަށްވެސް ބަހެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އިވިގެންދިޔަ ހަގީގަތުގެ ހިތިކަމުން، މުޅި މާހައުލު ވަނީ ގަނޑުވެފައެވެ. މި ހަގީގަތުން އެންމެ ބޮޑު ސިހުމެއް ލިބުނީ އަލާނިއަލް އާއި ޔަޒަކް އަށެވެ. އެމީހުންގެ ބައްޕަމެން، އެފަދަ މޮޔަ އަމަލެއް ހިންގަފާނެ ބާއޭ ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ. ނަމަވެސް، ހަގީގަތަކީ ބަދަލު ކުރެވޭނެ އެއްޗެއް ނޫނެވެ. ނިއަލް ދުނިޔޭގައި ހުރިކަން އެނގުމުން، ޖެފްރީން އެ ދެއްކި ވާހަކަތަކުގެ ބަރުދަން އިތުރުވެ، ހިތްތަކުގައި އުފެދުނު ޝައްކުތައް މަދުވެގެން ދިޔައެވެ.
“ކި..ކިހިނެތް ތިއީ ތެދުކަން އެނގޭނީ؟” ޒައްޔާންއަށް މަޑަކުން ނުހުރެވުނެވެ.
“ގަބޫލް ކުރަން ބޭނުން ނެތިއްޔާ މައްސަލައެއް ނެތް ގަބޫލް ނުކުރިޔަސް.. އެކަމަކުން އަހަންނަކަށް ވާނެ މާ ބޮޑު ގެއްލުމެއް ނެތް.. މިހުރިޙާ ދުވަހަކު ނިއަލް ބާރު ފޯރުވައިގެން އަހަރެން ރުއާނާގެ ގާތުގައި ވެސް ހުރެދިނީ..މިބުނީ ލިއަމްގެ ކައިރިއަށް އޭނަ ދިއުމުގެ ކުރިޔަށް .. އެހެން އުޅެ އުޅެ ފާޑަކަށް އޭނާއާއި ދޭތެރޭގައި ރަހުމް ހުރޭ.. އެހެންވެ މިކިޔާ ދިނީ.. އެހެންނޫނަމަ ކަލޭމެންގެ އަތް ދޮށުން މަރުވާންވީނު ނުކިޔައިދި ވެސް.. އަހަރެން ނެތިގެން ދެރަވާނެ މީހެއް ވެސް ނުހުންނާނެ..އާއިލާ އެއް ނެތް އެހެންވީމަ ކިހާ ފަސޭހަ.. އަހަހަ” ޖެފްރީންގެ ކުޑަވެސް ޙާސްކަމެއް ނެތެވެ.
“ސޯ ޑިސައިޑް ކުރޭ އަހަރެން މަޜާލާނީ ތޯ ނޫނީ ނޫންތޯ.. އެހީ ބޭނުން ވަންޏާ އެހީ ވެދީފާނަން” ޖެފްރީން އިތުރު ކޮށްލިއެވެ.
އިރުކޮޅަކު ވިސްނާލުމަށްފަހު ލިއަމް ބޯޖަހައިލިއެވެ. އަދި ޖެފްރީނު ގާތު ސުވާލު ކޮށްލީ ރުއާނާއާއި ބެހޭ ގޮތުންނެވެ.
“އެ ގަނޑުވަރަކީ އަހަރެމެންގެ ލޯމައްޗަށް ފެންނާނެ ތަނެއް ނޫން.. އިޒްވާގެ ކައިވެނި އޮތް ދުވަހު ވެގެން ދިޔަ ގޮތް ހަނދާން އެބަހުއްޓެއްނު.. ހަމަ އެހެން.. އެމީހުންގެ ސިހުރުވެރިންގެ ބާރުން ގަނޑުވަރު އިންނަނީ ލޯ ކުރިމައްޗަށް ގެއްލުޥާލާފަ.. އެކަމަކު އެތަނުގެ އެތެރޭގަ ތިބޭ މީހުންނަށް ބޭރުގަ ތިބޭ މީހުން ފެންނާނެ.. އަދި އެތެރޭގަ ތިބޭ މީހުން އެ ގަނޑުވަރުގެ ގޭޓުން ބޭރަށް ނުކުތީމަ އެމީހުން ފެންނާނެ އަހަރެމެންނަށް ވެސް .. އޭގެ ކުރިން ނުފެންނާނެ..އަދި ގަނޑުވަރުގެ ތެރެއަށް އަލުން އެމީހުން ވަދެއްޖެއްޔާ ހަމަލާއެއް ވެސް ނުދެވޭނެ…” ޖެފްރީނު ބުންޏެވެ. މާޔޫސްވީ ވަރުން ލިއަމްއަށް ކަރު އެލުވާލެވުނު އިރު ޒައްޔާންއަށް ހިންދިރުވާލެވުނެވެ.
“އެތަނުގެ އެތެރެއަށް މިހާރު ޖެފްރީންއަށް ވަދެވޭނެ ތަ؟” އެއްޗެއް ނުބުނެ ހުރެ އީތަން އެހިއެވެ.
“ނޭނގެ.. އެހިސާބަށް ދެވުނީމަ އެނގޭނީ.. އެއީ އަހަރެން މިއުޅެނީ އެމީހުންނަށް ފިލައިގެން އައިސް.. އެހެންވީމަ ފަހަރުގަ އިނދެ ދާނެ އަހަރެންގެ ލޯމައްޗަށް ވެސް ވަންހަނާ ކޮށްފަ..” ޖެފްރީން ކިޔައިދިނެވެ.
“އެއީ ބައްޕަ ބުނަން އުޅުނު ވާހަކަ… ކުރީގެ ވެރިކަން ކުރި މިރެއިލް.. އެއީ އެފަދަ ކަންކަމަށް އެންމެ ކުޅަދާނަ މީހާ .. އޭނާގެ ބާރުން އެތަނުގައި އޮތް ސީލް ނައްޓާލެވިދާނެ.. އެކަމަކު ނޭނގޭ އޭނާ އުޅޭ ތަނެއް..”ޒަބީގްއަށް ބަލައިލަމުން ޒާހީ ޥާހަކަ ދެއްކިއެވެ. އެއަޑު އަހާފައި އީތަންއަށް ހިންދިރުވާލެވުނެވެ. ޒާތަކައް ހިތްތެޅިގަތީ ޒައްޔާންއާއި މުހާތަބު ކޮށް ލިއަމް ބުނެލި ޖުމްލަ އަހާފައެވެ.
“ޝިއާ ގެ ބައްޕަ؟ ކެން ވީ ޑޫ ދެޓް؟” ލިއަމްއަށް ޒައްޔާން ބޯޖަހައިލުމުން އީތަން އިހްސާސް ވެގެން ދިޔައީ އޭނާގެ ހަގީގަތް އެމީހުންނަށް އިނގެން ވަގުތު ކުޑަ ތަން ވެއްޖެކަމެވެ. އެކަމުން ނުބައި އަސަރެއް ކުރުވިއިރު ވިސްނާލެވުނީ އިޒްވާއާއި ދޭތެރޭގައެވެ. އެހަބަރުން އިޒްވާ ގައިމުވެސް ހިތްހަމަ ނުޖެހޭނެއެވެ.
“އަހަރެން ދާންވި ކަންނޭގެ.. ގޮތް ދޫ ކުރަންވީ ވަގުތު އައިސް ޖެހުނީ.. މިޙާރު ދެން ހަގީގަތް އެނގި އެމީހުން ފެންނާނެ ކަމުގެ އުއްމީދުވެސް އާލާވީ.. އަހަރެން ގޮސްފި ނަމަ ބައްޕަ އަހަންނަށް މާފް ކުރާނެބާ” އެހެން ހިތައް އެރުމާއި އެކުވެސް އީތަންގެ ދެލޯ ތެމިލިއެވެ. ނޭފަތް ދަޟާޅާފައި ކަރުނަތައް އޮއްބާލަމުން ހަމަޖެހިލަން މަސައްކަތްކުރިއެވެ.
“އެބަ އަންނަން މިރެއިލް ހޯދައިގެން” ޒައްޔާން ނުކުތް ހިނދު ފަހަތުން އީތަން ވެސް ނުކުމަތެވެ.
“އޭތް ބުރޯ، މަ ވެސް ދާނަން”
ސުވާލުކުރުމަކާއި ނުލާ ޒައްޔާން ބޯޖަހައިލުމުން އީތަން ހިތައް ހަމަޖެހުން ލިބުނެވެ. ޒައްޔާންގެ ފަހަތުން އުދުހެމުން ދިޔައިރު ދުރުން މިރެއިލްގެ ގަނޑުވަރު ފެނި އީތަންގެ މޭގެ ތެރޭގައި އޮތް ހިތް ތެޅިގަތީ ހިފަހައްޓާލަން އުނދަގޫ މިންވަރަކަށެވެ. ބިރަކުން ނޫނެވެ. އެއީ އެތައް އަހަރެއްގެ ހަނދާންތަކެއް ހިތުގައި ބަދިވެފައި އޮތުމުގެ ނަތީޖާއެވެ. ކުރިން އޮތްބާލި ކަރުނައިގެ ސައިލާބު އަލުން ދެލޮލަށް ޖަމާވެއޮހިގަތީ ނުހިފެހެއްޓިގެންނެވެ. އެ މަންޒަރު ޒައްޔާން އަށް ފެނިދާނެ ކަމުގެ ބިރަށް އަވަސް އަވަހަށް އީތަން ދެލޯ ފުހެލިއެވެ. މަންޒިލަށް އާދެވުމުން ފިޔަގަނޑު ލައްޕާލާފައި ޒައްޔާން އެތެރެއަށް ވަންނަން ދިޔައެވެ. އޭނާއަކީ ކާކުކަން އެނގޭތީ ދޮރުވާނުން ވެސް ހިފަހައްޓާކަށް ނޫޅުނެވެ. އުފަލާއި އެކު މަރްހަބާ ކިއެވެ.
އެ ހަތަރު ފާރު އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅުވެސް އީތަން ރޮއްވާލިއެވެ. އެހިނދު އައިސް ބައްދަލު ކުރީ ކުޑައިރުގެ ހަނދާންތަކެވެ. ފިލްމެއްގެ މަންޒަރުތައް ފަދައިން ފަހަރަކު ދުވަހެއް ރޯލް ވަމުން ދިޔައިރު، އެއީ ހުސް އުފާވެރިކަމުން ފުރިގެންވީ ހަނދާންތަކެވެ. މިރެއިލް އާއި ޝެރީންއާއެކު ހޭދަކުރި ވަގުތުތަކާއި، މައުސޫމް ހިނިތުންވުންތަކުގެ ހަނދާންތަކުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި އަސަރުތަކެއް ކުރަމުން ދިޔައެވެ. މަންމަ އާއި ބައްޕަގެ ލޯބިވެތި އޯގާތެރިކަން ހިތުގެ ފުންމިނުން އިހުސާސްވަމުން ދިޔައިރު، އެ ލޯތްބަށް ފެންބޮވައިގެންފައިވާ މިންވަރު އޭނާއަށް ވަޒަންކުރެވުނެވެ. ދެން ހުރީ ޝިއާއެވެ. ހުރި ހަމައެކަނި ދައްތައާއި އޮތް ވަރުގަދަ ގުޅުން ނިންމާލާފައި ދިޔަ ނަމަވެސް ހިތަކަށް އެކަމުން ކެތެއް ނުވެއެވެ. ހަނދާން ނުވާ އެންމެ ދުވަހެއް ވެސް ނުދެއެވެ. އެކަނިވުމުން ރޮވެއެވެ. އެކަމާއި ވިސްނާ ފިކުރުކުރެވެއެވެ. އެނބުރި އާއިލާގެ ގާތައް އައިސް އެމީހުން ރުހުން ހޯދުމަށް ހިތާއި ސިކުނޑި ބާރު އަޅައެވެ. ނަމަވެސް ގޮތުގައި ހުރެވުނީއެވެ. މިހާރު އެކަމާއި ހިތާމަވެސް ކުރެވެއެވެ. އަމިއްލަ ނަފްސު ނުހަނު ބޮޑަށް ކުށްވެރި ކުރެވެމުން ދިޔައެވެ.
“ޝިއާ..” ޒައްޔާންގެ އަޑަށް ގޭގެ ބަގީޗާގެ ތެރޭގައި އިން ޝިއާ ސިހިފައި ތެދުވެލިއެވެ. އޭނާ އިނީ ވާހަކަ ފޮތެއް ހިފައިގެންނެވެ. ޒައްޔާން ފެނުމާއި އެކު އެ މޫނު އުޖާލާ ވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އޭރު އަދި އޭނާގެ ލޮލުގައި އީތަން އަޅައެއް ނުގަނެއެވެ.
“އަމް ވެއިޓިންގް ފޯރ ޔޫ” ފޮތް ވެސް ތިރިއަށް ދޫވެގެން ދިޔައިރު ވެސް ޝިއާ އަކަށް ނޭނގުނެވެ. ލައިގެން ހުރި މަޑުފިޔާތޮށި ކުލައިގެ ދިގުހެދުމުގައި ހިފާލައިގެން ޒައްޔާންގެ ކުރިމަތީގައި ހުއްޓިލީ ހިނދު، ޒައްޔާންގެ ފުރަގަހުގައި ހުރި ސޫރަ ފެނި ހުއްޓިލެވިއްޖެއެވެ. މުޅި ކުއްޖާ ހުދުވާން ނެގީ ސިކުންތުކޮޅެކެވެ. އީތަންގެ މޫނަށް ކަޅި ޖަހައި ނުލާ ބެލެމުން ދިޔައިރު ޝިއާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ޒައްޔާން ވާހަކަ ދައްކަން ފެށި ނަމަވެސް އެއިން ކަމަކަށް ޝިއާއަކަށް ސަމާލުކަމެއް ނުދެވުނެވެ. އެއަށް ވުރެން އޭނާގެ ޟަމީރު ވަނީ އެހެން ކަމެއްގެ ތެރޭގައި އަރަޤުވެފައެވެ.
“ޝިއާ..ޝިއާ..ޝި” ޝިއާއަށް ވަމުން ދިޔަ ގޮތުން ޒައްޔާންއަށް އޭނާގެ ކޮނޑުގައި އަތް ޖައްސާލެވުނެވެ. އެ ހަށިގަނޑުގައި ހިފާލެވިފައިވަނީ ގޮތްނޭނގޭ ތުރުތުރެކެވެ. ޝިއާއަށް އެއައި ގޮތްނޭނގޭ ބަދަލުން ލިބުނު ހައިރާން ކަމާއި އެއްވަރަށް ޒައްޔާން ހާސްވިއެވެ. ޝިއާގެ ދެކޮނޑުގައި ހިފާ ކުރިއަށް ވުރެން ބާރަށް ތަޅުވާލިއެވެ. ޝިއާގެ ނަޒަރު ހުއްޓިފައި ހުރީ ޒައްޔާންގެ ފަހަތަށެވެ. އޭރު ހޯސްލާފައި ދެލޮލުން ކަރުނަތައް އޮހޮރިގަނެފިއެވެ. ޒައްޔާން ފަސް އެނބުރި ބަލައިލި އިރު އީތަންއަށް ވެސް ވެފައި ހުރީ އެފަދަ ގޮތެކެވެ. އީތަންގެ ރަތްވެފައިވީ ދެލޮލުން ފެންތައް ފައިބަމުން ދިޔައިރު ނަޒަރު ސީދާވެފައި ހުރީ ޝިއާގެ މޫނަށެވެ. ދެމީހުންގެ ދޭތެރެ މެދުގައި ޒައްޔާން ހުއްޓިލައިގެން ހުރި އިރު ހުރެވުނީ ހަނދާނެ ގޮތެއް ނޭނގިފައެވެ.
“ގައިޒް ވަޓްސް ގޮއިން އޮން” އެންމެ ފަހުން ނުހުރެވިގެން ޒައްޔާންއަށް އެހިއްޖެއެވެ. އޭރު ގޭތެރެއިން ސެރީން ނުކުމެގެން އަންނަތަން ފެނި ޒައްޔާން ވަކީން ބޮޑަށް ހާސްވާ ގޮތްވިއެވެ. މިފަދަ ނުތަވަސް މާހައުލަކަށް ޝެރީން އައިސްދާނެ ކަންބޮޑުވުމުގައި ހުރެ އޭނާ ބެލީ ވެގެން އުޅޭ ގޮތެއް ހޯދޭތޯއެވެ. ޒައްޔާންގެ ހިތައް ހިސާބަކަށް އުނދަގޫ ވަމުން ވެސް ދިޔައެވެ. އޭނާގެ ހިތައް އެރީ ވެސް އެންމެ ނުބައި ގޮތަށެވެ. އަނެއްކާ އީތަން އަކީ ޝިއާގެ ކުރީގެ ލޯބިވެރިޔާ ބާއޭއެވެ. އެހާ ބޮޑަށް ދެޒުވާނުންނަށް އަސަރު ކުރީ ނުފެނި ހުރެ ފައި އެތައް ދުވަހެއް ފަހުން ފެނުމުން އެކަމާއި ޖަޒުބާތީ ވީ ވަރުންބާއޭ އެވެ. އިޒްޥާއާއި އާއި ކައިވެނި ކުރުމުގެ ކުރިން ދެޒުވާނުން އަނެއްކާ ގުޅިފައި އޮތީބާއެވެ.
އެހެން ހިތައް އަރަމުން ދިއުމާއި އެކު ވެސް ހިތް މުޅިން މާޔޫސް ކޮށްލިއެވެ. އެކަމުން އަރައިގަތުމަށް ޒައްޔާންއަށް ވަގުތުން ދެފަޜާތައް ބޯހޫރުވާލެވުނެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. އެހާ އަވަހަށް އެހެން ވިސްނައިގެން ނުވާނެއެވެ. އަމިއްލަ ހިތައް ވިސްނައި ދެމުން ޒައްޔާން އަނެއްކާ ވެސް ދެމީހުންނަށް ގޮވަން ފެށިއެވެ. ނަމަވެސް އޭރު އެހިސާބަށް ޝެރީން ވެސް އައިސްފިއެވެ.
ޝިއާ ހޯދުމަށް ނުކުތް ޝެރީންއަށް، ގޭޓު ކައިރީގައި ތިބި ޒައްޔާންއާއި ޝިއާގެ ގާތުގައި ހުރި ޒުވާނާ ފެނުމުން ވަގުތުން ހުއްޓުން އެރިއެވެ. އޭނާ އަށް ވެސް ވެގެން ދިޔައީ ޝިއާއަށް ވެގެން ދިޔަ ފަދަ ގޮތެކެވެ. އެތައް އަހަރެއް ފަހުން އެދަރިފުޅު ފެނުމުން ވެސް އޭނާއަކަށް އެ ސޫރަ ނޯޅުނެވެ. އޮޅޭނެ ހެއްޔެވެ. އެ ދަރިފުޅު ދުނިޔެއަށް އުފަން ކުރީ އޭނާއެވެ.
ހިތައް ކުރި އަސަރުން އަނގަމަތީގައި އަތް އަޅާލައިގެން ހުއްޓާ ވެސް ޝެރީންއަށް ރޮވިއްޖެއެވެ.
“އީ..އީ..ތަ..ން.ން” ޝެރީންގެ ރުއިން ހިނދެއް ހިނދަކަށް ގަދަވަމުން ގޮސް މާހައުލުގައި އެއަޑު ހިފާލިއެވެ. ގޭގައި އެވަގުތު އުޅެމުން ދިޔަ ހުރިހާ ނޯކަރުން ހާސްވެ ތިބެ އެތަނަށް ޖަމާވެގެން ދިޔައިރު އެކަކަށް ވެސް ވަމުންދާ ގޮތެއް ނޭނގުނެވެ. ޝެރީން އެފަދަ ހާލަތެއްގައި ވަނިކޮން، އީތަން ގޮސް ބައްދާލީ ލޯބިވާ މަންމަ ރޮމުން ދިޔަ މަންޒަރު ދެކެން ކެތްނުވީމައެވެ.
“މަންމާ” އީތަންގެ އަޑު ކުރެހިގެން ދިޔައިރު އިހުނަށް ވުރެން ބޮޑަށް ޝެރީންގެ މޭގައި ބޮނޑިވެލެވުނެވެ. އީތަންއަށް ކެތް ނުވެގެން ރޮވެމުން ދިޔައިރު، ކޮންމެވެސް ގޮތަކުން ހަބަރު ލިބިގެން މިރެއިލް ވެސް އައިސްފިއެވެ. އީތަންއާއި ޝެރީން ބައްދާލައިގެން ތިބެ ރޮމުން ދިޔަގޮތް ފެނުނެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން އިރު ކުރިމަތިން ފެނިގެންދާ މަންޒަރުން މިރެއިލްއަށް ރަނގަޅަށް ވެސް ރޮވުނެވެ.
“ދަރިފުޅާ.. އީތަން” ޝެރީންގެ ގާތުން އީތަން އަށް ދުރުވެލެވުނީ މިރެއިލްގެ އަޑު އަހާފައެވެ. ރޮވިފައިވާ ބައްޕަ ފެނި އޭނާއަށް ކުރަމުން ދިޔަ އަސަރު ދެގުނަވެގެން ދިޔައެވެ. މިރެއިލްގެ ގާތައް ތިރިވެލެވުނު އިރު ކަރުނަތަކާއި އެކުވެސް އިސްޖަހާލެވުނީ، މިރެއިލް އެއިން ނިކަމެތި ހާލަތުގެ ސަބަބަކީ އޭނާއޭ ހިތައް އެރުމުންނެވެ. އެ ބައްޕަޔާއި ހަތަރު ކަޅި ހަމަކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. ބަހެއް ނުބުނެވުނެވެ. ރޮވުނީއެވެ.
“ބައްޕާ، އަހަންނަށް މާފް ކުރާނަންތަ” ރުއިމުގެ ތެރެއިން އީތަންގެ އަޑު އިވުނެވެ. ނުރޯށޭ ބުނާފަދައަކުން މިރެއިލް ދެފަރާތައް ބޯހޫރުވާލިއެވެ. ތުރުތުރު ލަމުން ދިޔަ ދެއަތް ހިއްލާލާފައި އީތަންގެ އަތުގައި ހިފާލިއެވެ. ދެވަނަ ސިކުންތު އީތަން ތެދުވެ މިރެއިލްގެ ގައިގާ ބައްދާލެވުނީއެވެ. މިރެއިލް ބޯޖަހައިލުމުން އީތަންއަށް ލޯ މަރައިލެވުނެވެ. ލިބުނު ހިތްހަމަ ޖެހުމުގައި ދެން ވެސް ކަރުނުތައް މެދު ނުކެނޑެއެވެ. އީތަންގެ ފަހަތުން ޝެރީން ބައްދާލައިފިއެވެ.
” އަހަންނަށް މާފް ކުރޭ ބައްޕާ … ދެން ދުވަހަކު ވެސް އެހެނެއް ނުހަދާނަން.. މަންމާ މާފް ކުރާނަންތަ؟” އީތަން ދުރުވެ ވަކިވަކީން ދެމީހުންގެ މޫނަށް ބަލައިލިއެވެ.
“ދަރިފުޅު ތިހާ ވަރަށް މާފަށް އެދޭކަށް ނުޖެހޭނެ.. މަންމަމެން ކައިރިއަށް މިއަދު އައިސް މިވީ ވަގުތު ކޮޅުގަ ވެސް ހީވީ މިހުރިހާ ދުވަހު އެޅި ކަރުނަތަކާއި ކުރި ހިތާމަތައް ހަނދާނުން ފިލާ ގޮސްފިހެން.. ދެން ނުދައްޗޭ މަންމަ އާއި ބައްޕަ ދޫކޮށްފަ” ސެރީން ދެލޯ ފުހެމުން ވާހަކަ ދެއްކި ނަމަވެސް އަދިވެސް ހުރީ ރޮވިފައެވެ. ދެން އީތަން ބަލައިލީ މިރެއިލްއަށެވެ.
“ކޮބާތަ ދަރިފުޅު އަންހެނުން؟ ކީއްވެ ނުގެނައީ” މިރެއިލް ހިނިތުންވެލި އިރު ވެސް އީތަންގެ އަތްތިލައަށް ބާރަށް ފިތާލެވުނެވެ.
“ކިހިނތް ބައްޕައަށް އެނގުނީ؟ ކައިވެނި-” އީތަންގެ ޖުމްލަ ފުރިހަމަ ނުވަނީސް މިރެއިލްއަތް ހިއްލާލާފައި ދައްކާލީ ދުރުގައި ރޮވިފައި ހުރި ޝިއާއެވެ. އީތަން އިންތަނުން ތެދުވެ ގޮސް މަޑުކޮށްލީ ޝިއާގެ ކުރިމަތީގައެވެ. އެހިނދު އެހާ ހިފަހައްޓައިގެން ހުއްޓާ ވެސް ޝިއާގެ ބަޑި ފަޅައިގެން ދިޔައެވެ. އީތަންއަށް އެ މަންޒަރުން އުނދަގޫވިވަރުން ޝިއާގެ ގައިގާ ބައްދާލެވުނެވެ. ދެމީހުން އެތައް އިރަކު ބައްދާލައިގެން ތިބެ ރޮވުނެވެ. އެ މަންޒަރު ފެނި، ކަރުނައިގެ ތެތްކަން ލޯ ތަކުން އިޙްސާސްވެގެން ދިޔަ ނަމަވެސް މިރެއިލްއާއި ޝެރީންގެ މޫނުމަތިން ފެނިގެންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
“ކީއްވެ ކުރިމައްޗަށް ނައީ، އެވަރަށް އަހަރެން އުޅޭ ނޫޅޭ ގޮތް ބަލާފަ ވެސް.. ފެނުނު ނަމަ ވިސްނިގެން ފަހަރެއްގަ މިއަށް ވުރެން ކުރިން އާދެވި ވެސް ދާނެ” ޝިއާގެ މޫނު ފުހެލަ ދެމުން އީތަން ވާހަކަ ދެއްކިއެވެ.
“އަހަރެން ފެނުނީމަ އީތަން އެއްނު ބުނީ ނާންނަން ވެސް..”
“ސިސް، އެއީ ކުރިންނޭ.. އަހަރެން ދިޔަ ދުވަސްކޮޅު ގޮސް އަންނަން ބުންޏަސް ނާންނާނެ އެންނު.. އެކަމަކު ފަހުން ދިޔަ ނަމަ.. އުއްމީދު ވެސް ކުރިން” އީތަންގެ ވާހަކައަށް އެއްޗެއް ނުބުނެ ރައްދުގައި ޝިއާ ، އީތަންގެ ކޮނޑުގައި ޖަހާލިއެވެ. އަދި އަމިއްލަ ދެލޯ ފުހެން ފެށިއެވެ.
ކުރިމަތިން ނިއުޅިގެން ދިޔަ މަންޒަރުން ބޮޑު ސިހުމެއް ލިބުނީ ޒައްޔާންއަށެވެ. އެކަކު އަނެއްކަކު މޫނަށް ބަލަން ހުރިއިރު ހައިރާންކަން ހިނދުކޮޅަކަށް ވެސް ނުފިލައެވެ. އޭނާ އެތަނަށް އައި ބޭނުން ވެސް ހިނދުކޮޅަކަށް ހަނދާނުން ކައްސާލިއެވެ. އިތުރު މީހެއްގެ ބުނުމަކާއި ނުލާ އެމީހުންނާއި އީތަންއާއި އޮތް ގުޅުން ޒައްޔާންއަށް ނަގައިގަނެވިއްޖެއެވެ. މިހުރިހާ ދުވަހު އީތަންގެ ފެންނަ ފަށުގައި އުޅެވިފައި ވީއިރު ވެސް އެފަދަ ކަމަކަށް ޝައްކެއް ވެސް އުފެދިފައި ނެތެވެ. ޝިއާ މިހުރިހާ ދުވަހަކު އެދެއްކީ އީތަންގެ ވާހަކަ ހެއްޔެވެ. ކުޑަ ހީއެއް ވެސް ކުރެވިފައި ނެތެވެ. ހިތުގައި ޖަވާބު ނުލިބޭ ސުވާލުތައް ހުރި ނަމަވެސް އެވަގުތު އެފަދަ ސުވާލެއް ކުރުމަށް އެކަށީގެން ވެސް ނުވެއެވެ. އީތަންއާއި ޝިއާއަށް އެކަކު އަނެއްކަކު ފުރަތަމަ ފެނުނު ހިނދު ވެގެންދިޔަ ގޮތް ހިތައް އަރައިގެން ދިޔަ ހިނދު އެ ނުސިޔާނު ވަގުތުކޮޅު ވެސް އޭނާގެ ގާތައް ހިނިއަންނަ ގޮތްވިއެވެ.
އެތާގައި ތިބެ ތިބެފައި އީތަން ގޮވައިއިގެން ޝެރީން ވަނީ ގޭތެރެއަށެވެ. މިރެއިލް އިން ގޮނޑި ޝިއާ ގެންދަން އުޅުމުން ، އޭނާގެ އަތް ދުރުކޮށްލާފައި ގޮނޑީގެ އަތްގަނޑުގައި ހިފާ ކުރިއަށް ދުއްވާލީ ޒައްޔާންއެވެ. ޒައްޔާންގެ މޫނަށް ޝިއާ ބަލައިލަމުން ހީލިގޮތުން ޒައްޔާން ވެސް ރައްދުކޮށްލީ ހިނިތުންވުމެކެވެ.
ގޭތެރެއަށް ވދެ، ހިނދުކޮޅަކަށް ވެސް މިރެއިލް އަދި ޝެރީންވެސް އީތަންގެ ގާތުން ދުރަކަށް ނުދިޔައެވެ. ދެމީހުން ދެފަރާތުގައި ތިބެ އެތައް ވާހަކައެއް އީތަންއަށް ކިޔައިދެމުން ދިޔައިރު، ދެ މީހުންގެ މޫނުމަތިން ފެނިގެންދަނީ ލޯތްބެވެ. އެމީހުންގެ ހުރިހާ ވެސް ސަމާލުކަމެއް ހުއްޓިފައިވަނީ އީތަންއަށް ކަހަލައެވެ.
“ދެން އަހަރެން ބާކީ ވީތަ” ތުން ނެރެލަމުން ޝިއާ މަޑުކޮށްލީ ޒައްޔާންގެ ގާތުގައެވެ.
“ނޫނޭ ދެން.. މިވަގުތު މަންމަ ވެސް ބައްޕަވެސް މަށައް” އީތަންގެ އަޑުން ފެނުނު ލާނެތް ކަމުން އެންމެންގެ ހުނުމުގެ އަޑު އިވިލިއެވެ.
ޒައްޔާންއަށް ޝިއާގެ މޫނަށް ބަލައިލެވުނީ، އަޑު ވީއްލާފައި ޝިއާ ހޭންފެށުމުންނެވެ. ލުއި ހިނިތުންވެމެއް އަބަދުމެ ތުންފަތައް ވެރިކޮށްގެން ހުރި ނަމަވެސް އެއީ ޝިއާއާއި މުޅިން ނުބައްދަލު ސިފައެކެވެ. އެކަން ވީ ޒައްޔާންއަށް ވެސް އާ ކަމަކަށެވެ. ހުނުމުގެ ސަބަބުން ޖަންބުކުލަ ފާއްދާލާފައިވާ ދޮން މޫނުން ފެނިގެންދަނީ ކުރިން ދުވަހަކުވެސް ފެނުނު ވިދުވަރެއް ނޫނެވެ. ޝިއާގެ މޫނަށް އެހާ ކައިރީގަ ހުރެ ޒައްޔާންއަށް ބެލެމުން ދިޔަ އެވެ. މަޑު ފިޔަތޮށި ކުލައިގެ ތުންފަތުގައިވާ ފަނޑުނުވާ ހިނިތުންވުމުން ޒައްޔާންއަށް ވެސް ހީލެވުނެވެ. އޭނާގެ އަތް މަޑުމަޑުން ހަރަކާތް ކުރިއެވެ. ޝިއާއާއި ޖެހޭ ނުޖެހޭ ހިސާބުގައި ހުރެ ފަހަތުން އޭނާގެ އަތް ގެންގޮސް އަޅުވާލީ ޝިއާގެ އުނަގަނޑުގައެވެ. އީތަންއާއި ވާހަކަ ދައްކަން ތިބުމުން މިރެއިލްއާއި ޝެރީންއަށް އެއިން ކަމެއްގެ ހިލަމެއް ނުވިއެވެ.
“ޒައްޔާން؟” ތެޅިގަނެފައި ޝިއާ ބަލައިލީ ހިނދު ޒައްޔާން ނިތް އަރުވާލިއެވެ. ޖަވާބު ނުދެވި އޭނައަށް ބަލައިލެވުނީ އެހެން މީހެއްގެ ނަޒަރު ހުއްޓުނު ތޯއެވެ.
“ވަޓް ހެޕެންޑް؟” ޝިއާގެ ކޯތާފަތުގައި އަތުގެ ނުފުށުން އަތް ބިއްސާލަމުން ޒައްޔާންއަށް އެހުނެވެ. ތިން މީހުން ބަލާލަން އުޅުނު ހެން ހީވެގެން ޒައްޔާން ކުޑަކޮން ދުރަށް ޖެހިލިއެވެ. ނަމަވެސް ކަޅި ހުރީ ޝިއާގެ މޫނަށެވެ. ޒައްޔާންގެ އެ ކުއްލި ހަރަކާތުން އޭނާ ހުރީ ރަނގަޅަށް ވެސް ސިހިފައިކަން އެ މޫނު ހެކިދެއެވެ.
“އަމް ސްޓީލިންގް ޔުއަރ އެޓެންޝަން.. ބިކޯޒް އިޓް އޯލްރެޑީ ބިލޯންގްސް ޓު މީ” ޒައްޔާން ވާހަކަ ދެއްކީ ޝިއާގެ ކަންފަތާއި އަނގަކައިރި ކޮށްލަމުންނެވެ. އެހިނދު ލަދުން ހުރެ ޝިއާ އިސްޖަހާލިއެވެ.
“މީ..މީ..ސޮރީ، އީތަން ފެނުނީމަ”
“ސޯ އީތަން އެއީ ދޯ” ޔަގީންވި ނަމަވެސް ޒައްޔާން އެ ސުވާލު އެހިއެވެ. ޝިއާ ބޯޖަހައިލަމުން ޒައްޔާންގެ މޫނަށް ބަލައިލިއެވެ. ޒައްޔާން އަސްލު އައި ބޭނުމާއި ބެހޭގޮތުން އެހިއެވެ. ވެގެން އުޅޭ ގޮތް ތަފްސީލާއި އެކު ޒައްޔާން ކިޔައިދިނުމުން ސިހިފައި ހުރެ ޝިއާ ބަލައިލިއެވެ.
“އަޅެ ބުނެލި ނަމަ އަވަހަށް” އިތުރަށް މަޑުނުކޮށް ޒައްޔާންގެ އަތުގައި ހިފައިގެން ޝިއާ މަޑުކޮށްލީ މިރެއިލްއާއި ޝެރީންގެ ގާތުގައެވެ. ދެމީހުންގެ ސަމާލުކަން ލިބުމުން، ޒައްޔާން ދައްކަން އައި ޥާހަކަ ޝިއާ ކިޔައިދިނެވެ. އެހިނދު ލިބިފައިވާ އުފާވެރިކަން ފަނޑުވެ ކަންބޮޑުވުމާއި ސިހުމުގެ ކުލަވަރުން ދެމީހުންގެ މޫނުމަތި ފެވުމުނެވެ.
“ބައްޕަގެ ހާލަތުން، އެކަމަށް އެހީއެއް ވެވޭނެތަ” އީތަން ވެސް އަހާލީ ނުތަވަސް ކަމާއި އެކުގައެވެ. އޭނާއަށް ބަލައިލެވުނީ މިރެއިލްއިން ފުރޮޅުލީ ގޮނޑިއަށެވެ.
މިރެއިލް ދޫކޮށްލީ ފިނި ނޭވައެކެވެ. އޭނާ ޝެރީންގެ މޫނަށް ބަލައިލުމުން، ޝެރީން ބޯޖަހައިލިއެވެ.
“ބައްޕައަށް ކޮށްދެވޭ ވަރުގެ ކަމެއް އޮތިއްޔާ ބައްޕަ މިހުރީ ކޮށްދޭން ތައްޔާރަށް..އެކަމަކު އެއްވެސް ކަމަކަށް ވައުދެއް ނުވެވޭނެ.. ނިއަލް މެންނަކީ އާދައިގެ މީހުންނެއް ނޫން” މިރެއިލްގެ ޖަވާބު ސާފެވެ. އެ ޖަވާބުން ޒައްޔާންއަށްވެސް އަދި އީތަންއަށް ވެސް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. އެމީހުންނާއި އެކު މިރެއިލް ގެންދިއުމުގެ މަސައްކަތް އެވަގުތު ފެށިއެވެ.
***
ހުސްކޮން އޮތް ބޮޑު މާލަމުގައި ހިނގާފައި އައި މިސްވާ އާއި އިތުރު ތިން މީހުން ވެގެން ދުއްވަމުން ދިޔަ ބޮޑު ޓްރޮލީގައި، ކާނާ ހުރި އެތައް ބައިވަރު ޓުރޭ ތަކެއް އަތުރާފައި ހުއްޓެވެ. މާލަމުގެ ކޮޅުގައި ހުރި ދޮރާއި ހަމަވުމުން، ދޮރުގެ ދެފަރާތުގައި ތިބި ފާރަވެރިން، އެމީހުން ވަނުމަށްޓަކައި ހުޅުވާލަ ދިނެވެ.
އެތެރެއަށް ވަދެވުމާއެކު، ނޭވާ ހާސްކުރުވާ ފަދަ ފިނިކަމެއް ހަށިގަނޑަށް ސަވާރުވިއެވެ. ދެފަރާތުގައި ހުރި ބާވެފައިވާ ފާނޫޒުތަކުން ފެތުރެމުންދިޔަ ފަނޑު އޮރެންޖު އަލިކަމުގެ ތެރެއިން، ފާރުތަކަށް އެޅިފައިވާ ހިޔަނިތައް ހީވަނީ ދިރުންލިބިގެން އުޅޭ ސޫފިތަކެއް ހެންނެވެ. އެ މާހައުލުގައި ވަނީ އިންސާނީ ވަސްފިލައިފައިވާ، ރޫހާނީ ބިރުވެރިކަމެކެވެ. ކުދި ކުދި ގޮޅި ތަކުގައި މީހުން ބަންދުކުރެވިފައިވީ އިރު، ދޭތެރެއަކުން ކޮންމެވެސް އެއް ގޮޅިއަކުން ކޮންމެވެސް މީހެއްގެ ގަދަ ހަޅޭކެއްގެ އަޑު އިވިލައެވެ. އެކަމުގެ ސަބަބުން މިސްވާ ވެސް ބައެއްފަހަރު ސިއްސަ ސިއްސައިގެން ދެއެވެ. ތަނުން ސިފަވަނީ ހިތްތައް ރޫ ރޫ އަޅައިގެން ދާފަދަ ނާމާންކަމެވެ.

ކަނޑައެޅިފައިވާ އުސޫލުގެ މަތިން، ހަތަރު މީހުން ހަތަރު ފަރާތަށް ބެހިގެން ދިޔައިރު، މިސްވާ ފިޔަވަޅުތައް އެޅީ އެންމެ ބިއްދޮށަށެވެ. އެ ގޮޅިތައް ފަރުމާކުރެވިފައިވާ ގޮތުން، އެތެރޭގައި ބަންދުކުރެވިފައިވާ މީހުންގެ މޫނު ފެނުމަކީ ނާދިރު ކަމެކެވެ. ދޮރުގެ މަތީބައި ހުންނަނީ ތަންކޮޅެއް މަތީގައި ކަމުން، ފެންނަނީ ހަމައެކަނި އެތެރޭގައި ތިބޭ މީހުންގެ ފައިތިލައެވެ. ނަމަވެސް އެ ހިސާބުން ފެށިގެން ތަޅުމާ ހަމައަށް ދޮރު ބަންދުކޮށްފައިވަނީ ބޯ ބިއްލޫރިގަނޑަކުންނެވެ. މި ވަރުގަދަ ބިއްލޫރި ހުރަހުގެ ސަބަބުން އެއް ގޮޅީގައި ތިބެ ދައްކާ ވާހަކައެއްގެ އަޑުވެސް، އަދި އެތެރޭގައިވާ މީހުންގެ ނޭވާގެ އަޑުވެސް އަނެއް ގޮޅިއަކަށް ނުފޯރައެވެ. އެއީ އެއްވެސް މުއާމަލާތެއް ހިންގައި، ފިލައިގެން ދެވޭނެ އެއްވެސް މަގެއް ނުބޭއްވުމަށްޓަކައި ކޮށްފައިވާ ވަރުގަދަ މަސައްކަތެކެވެ.
އެއްގޮޅިން އަނެއްގޮޅިއަށް ދައްކާ ވާހަކައިގެ އަޑު ނީވުނު ނަމަވެސް، ގޮޅިތަކުން ބޭރަށް އެއަޑުތައް ފޯރައެވެ. އެތެރޭގައި ތިބޭ މީހުން ދޭތެރެއަކުން ހަޅޭއްވައިގަންނަ އަޑުމުޅި ހިސާބުގައި ހަރުލާފައި އޮންނަނީ ވެސް އެހެންވެއެވެ. މާބޮޑަށް އަޑުގަދަ ކުރާ ނަމަ ދޭތެރެއަކުން ފާރަވެރިންގެ މީހަކު ގޮސް އެމީހަކަށް އިންޒާރު ދީ އަނިޔާކޮށްވެސް ހަދައެވެ.
އެންމެ ފަހު ގޮޅިއަށް ކާނާ ފޯރުކޮށްދިނުމަށްފަހު، މިސްވާ ގޮސް އިށީނީ އެގޮޅީގެ ކައިރީގައި ހުރި ގޮނޑީގައެވެ. އެމީހުން ކައި ނިމިގެން ތަށިތައް ބޭރަށް ނެރުލަންދެން، އެ ބިރުވެރި ހަމަހިމޭންކަމުގެ ތެރޭގައި އިންތިޒާރުކުރުމަކީ އޭނާގެ މަސައްކަތުގެ އެންމެ މުހިއްމު ވަގުތެވެ. ކިތަންމެ ގިނަ އިރެއް ވީ ނަމަވެސް، އެ ތަށިތައް ހިފައިގެން މެނުވީ އޭނާއަށް އެ ތަނުން ނިކުމެވޭކަށް ނޯންނާނެއެވެ.
މިސްވާ މަޑުމަޑުން ޖަހައިލީ އެގޮޅީގެ ދޮރުގައެވެ. އެހިނދު އެތެރޭގައި ހުރި ރާބިއު ކުޑަގޮތަކަށް ބޯ ދިއްކޮށްލީ ދޮރުފަތުގައި ތަޅު އަޅުއަޅުވަން ކަނޑާފައިވާ ތަންކޮޅުންނެވެ. ރާބިއު ފުރަތަމަ ފެނުނު ދުވަހު މިސްވާ ގެނެސްދިން އާލާތެއް ބޭނުން ކޮށްގެން އެ ތަންކޮޅުން މޫނު ފެންނަވަރަށް ބޮޑުކޮށްފައެވެ.
“ރުއާ އެބައުޅޭ އެކަމުގަ… ހަތަރު ދުވަސް ވެގެން ދިޔައިރު ރުއާގެ މަސައްކަތް ހަމަ ނުހުއްޓާ، ދަރަކްއާއި ގާތް ގުޅުމެއް އުފައްދައިފި..” މިސްވާ ވާހަކަ ދެއްކީ އެކަނި ރާބިއުގެ ކަންފަތައް ފޯރާހާ މަޑުންނެވެ. ދެން އޭނާ ބަލައިލީ އެގޮޅިއާއި އިންވެގެން އިން ގޮޅިއަށެވެ. އެއީ ހޫރައިން އިންނަ ތަނެވެ. ނަޒަރު ހިންގައިލި އިރު ހޫރައިން އިނީ އާންމުކޮން އިށީންދެ އިންނަހެން ތިރީގައި އިށީންދެލައިގެން ކަން އެނގުނެވެ. މޫނު ނުފެނުނު ނަމަވެސް ފައިތިލި ފެނެއެވެ. ސަމްސާ ކޭއްތޭ އަޑު އިވުމުން ކޮންމެވެސް ވަރަކަށް ކާކަށް އިނގެއެވެ. އެކަން ރާބިއުއަށް އަންގާލި ހިނދު އޭނާއަށް މަޑުމަޑުން ‘އަލްހަމްދުލިއްލާހް’ އޭ ބުނެލެވުނެވެ. ރާބިއުގެ ދެލޮލުގައި ބަބުޅަންފެށި ކަރުނައިގެ ކުލަވަރެވެ. ކޮންމެވެސް ވަރަކަށް ހޫރައިން ކާން މަސައްކަތް ކުރާކަން އެނގުމުން ހިތައް ލިބުނީ ނުހަނު ބޮޑު ހިތްހަމަ ޖެހުމެކެވެ.
“ހޫރައިންއަކަށް ނޭނގޭނެ ދޭ އަހަރެން މިތަނުގައި ހުރި ކަމެއް؟..” ރާބިއު އެހިއެވެ.
“އާންން ނޭނގޭނެ.. މިއީ ކުރިން އިޒާންގެ އަންހެނުން ބަހައްޓާފައި ހުންނަ ގޮޅި.. އޭނަ ދިޔަފަހުން ރާބިއު ގެނެސް ލީ.. ހޫރައިން ވާހަކައެއް ނުދައްކާ ، އަހަރެން މަސައްކަތް އެބަ ކުރަން އަދިވެސް ވާހަކަ ދެއްކޭތޯ” މިސްވާ ދެރަވެލާފައި ބުންޏެވެ.
“ހަފްތާއެއް ދޯ ރުއާ އަށް ދިނީ.. ހަތަރު ދުވަސް ދިޔައީ .. މިއަދު މިއީ ފަސް ވަނަ ދުވަސް.. މިސްވާ އޭނައަށް ރަނގަޅަށް ބަލައްޗޭ… އަނދިރީގެ ތެރޭގައި ބިރު ނުގަނެ އުޅޭ ވާހަކަ ބުނުމުން ވަރަށް ހިތްހަމަ ޖެހިފަ މިހުންނަނީ.. ރުއާއަށް ކަމެއް ވެދާނެތީ އެކަމާއި ވަރަށް ވިސްނީމޭ..” ރާބިއު ވާހަކަ ދެއްކިއެވެ.
“ހާސްނުވޭ ރާބިއު.. އަހަރެން މިހުރީއޭ.. އިރާދުކުރެއްވިއްޔާ ކާމިޔާބު ވާނެ.. އަހަރެމެންގެ ބައިވެރިންގެ މަސައްކަތް ވެސް ރަނގަޅު” މިސްވާ ބަލައިލީ ދޮރު ކައިރީގައި ތިބި ދޮރުވާނުންނަށެވެ. ދެމީހުން މިސްވާއަށް ރައްދުކޮށްލީ ސިއްރުވެރި ހިނިތުންވުމެކެވެ.
“ދެން އުޅޭ އަންހެން ކުއްޖާ ކޮބާ؟”
“ރުއާ އުޅޭ ނޫޅޭ ގޮތް ދުރު ދުރު ބަލަން ބުނީމަ އެ މަސައްކަތުގަ.. އެމީހުން މަށައް ވަފާތެރިވާނެ އަބަދުވެސް.. ދޮރުގެ ބޭރުގަ ވެސް ނިއަލްގެ މީހުން ތިބީމަ އެ ތިން މީހުން ވެސް ސަމާލުވެގެން އެއުޅެނީ..” މިސްވާގެ ބަހުން ރާބިއުއަށް ހަމަޖެހިލެވުނެވެ.
“ހޫރައިން ބަހައްޓާ އިހަށް..މިތަނުން ސަލާމަތް ވާ ވަގުތު ހޫރައިންއަށް އަހަރެން ފެނުނީމަ ރަނގަޅުވާނެ.. އޭނައަށް ލިބޭ އުފާވެރިކަމަކުން ވެސް ބަދަލެއް އައިސްފިއްޔާ އެމީހުން ޝައްކު ކުރަން ފަށާފާނެ” ރާބިއު ވިސްނުން ހާމަކުރިއެވެ. އެކަން ގަބޫލު ކުރެވިގެން މިސްވާ ވެސް ބޯޖަހައިލިއެވެ.
****
ކޮޓަރީގެ ކުޑަދޮރު މައްޗަށް އަރާ އިން ބިލާލްގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ ގަސްތަކުގެ ތެރޭގައި ހިޔާލެއް ފިކުރެއް ނެތި އުޅެމުން ދިޔަ ރުއާނާއަށެވެ. ބުރިޖްގެ މަތީގައި އުފެދިފައިވާ ކުދިކުދި ސްނޯ ފުނިތަކުން ބައެއް އަތައް ނަގައިގެން މައްޗަށް އުކަމުން ހީ ސަކަރާތް ޖަހަމުން ދިޔައީ އެކަނިމާއެކަނިއެވެ. ގަދަ ފިނީގެ ތެރެއަށް ނުކުމެ އުޅުނު ކަފަބެއަރތައް ވެސް ރުއާނާއާއި ނުހަނު ދޯޅައެވެ. ކުދިކުދި ފުއްގަނޑުތައް މޮޑެ މޮޑެފައި އުޅެމުން ދިޔައިރު އެ ސޮރުމެން އޭނާއާއި މުޚާޠަބު ކުރަނީ ބަހަކާ ނުލައި، އިޙްސާސްތަކުންނެވެ. ކުދިކުދި ސްނޯ ގުޅަތައް މޮޑެ، އެކި ބައްޓަންތަކަށް ހަދަމުން ދިޔައިރު، ފިނީގެ ތެރޭގައި އުޅޭ ތަފާތު ވައްތަރުގެ ދޫނިތައް އޭނާގެ ވަށައިގެން އުދުހެމުން ދިޔައެވެ. ކުދި ދޫނިތައް އަތް ތިލައިގެ ތެރޭގައި ބައިންދާލަމުން ފިޔަގަނޑުގައި ނުހަނު ލޯބިން ފިރުމާލައެވެ.
އެހެން ހުއްޓާ ގޭތެރެއިން ނުކުމަތް ދަރަކް އައިސް ހުއްޓިލީ ރުއާނާގެ ގާތުގައެވެ. ދެމީހުން ހީހީފައި ވާހަކަ ދައްކަން ފެށިގޮތުން ބިލާލްއަށް ވެގެން ދިޔައީ ނުބައި ގޮތެކެވެ.
“ހަޖަމު ނުވެފަތަ؟ ހަހަހަ” ބިލާލް ސިހުނީ ފަހަތުން ނިއަލްގެ އަޑުއަހާފައެވެ. ބިލާލް ފަސް އެނބުރި އެއްޗެއް ބުނަން އުޅެފައިވެސް އެ ހިޔާލް ދޫކޮށްލިއެވެ.
”ބަލަ ރުއާނާ މިހާރު އުޅެމުންދާ ގޮތް.. ހިތެއް ނުބުނޭ ދެން އެމީހުންގެ ގާތައް ދާން ހިތައް ވެސް އަރުވާލަފާނެ ހެންނެއް” ނިއަލް ވާހަކަ ދެއްކި އިރު ހުރީ އެއްކޮލަށް ހިނިއައިހެވެ.
“ބައްޕަ ކައިރީގަ ބުނީމެންނު އެހާ ރަނގަޅަށް އޭނައާއި ދޭތެރޭގަ ނުވިސްނަން.. މަގޭ ހިތެއް ނުބުނޭ އޭނަގެ ކުޑަ ސިކުނޑީގެ ތެރޭގަ ރަނގަޅު ކަމެއް ހިނގާފާނެ ހެންނެއް.. އެއީ ރުއާނާ ބައްޕާ! މަށައް އޭނަ އެނގޭ! އޭނާ ލޯބިވާ މީހުންގެ ހައްގުގަ ކޮންމެ ފަދަކަމެއް ވެސް ކޮށްފާނެ! ރާބިއު ހުރިކަން އެނގޭނެ! ހޫރައިން ހުރިކަން އެނގޭނެ! ލިއަމް ދެކެ ވާ ލޯބިން އިޒާން ސަލާމަތް ކޮށްދޭން ވެސް އުޅެފާނެ!” ކޮންމެ ޖުމްލައަކާއި އެކު ބިލާލްގެ މޫނުމަތިން ފެނިގެން ދަނީ ނުތަވަސްކަމެވެ. ހީވީ ނިއަލްއަށް، އަންނަން އުޅޭ ތޫފާނެއްގެ ހިލަން ކޮށްދޭން މަސައްކަތް ކުރަމުންދާހެންނެވެ. ނަމަވެސް ނިއަލް ޖަހައިލީ ހިނިގަނޑެކެވެ. އަދި ދެފަރާތައް ބޯހޫރުވާލިއެވެ.
“އޭނައާއި މެދު ހިތް ގޯސްވެފައިވާ ވަރުން ތިއުޅެނީ! އެހެންވެ ބައްޕަ ބުނީ ގުޅުން ރަނގަޅު ކުރާށޭ! ދަރަކް އާއި އެކު ވެސް ބޭރަށް ނުކުތީމަ ތި ބޭކާރު ވިސްނުންތަކުން ދުރުވެވޭނެ” ބިލާލްގެ ކޮނޑުގައި ޖަހާލަމުން ނިއަލް ނުކުމެގެން ދިޔައިއެވެ. ބިލާލް ދެއްކި އެއްވެސް ވާހަކައެއް ގަބޫލްކުރަން ހިތުގައި ވެސް ނެތް ފަދައެވެ. ބިލާލް ދޫކޮށްލީ އުދާސީ ނޭވާއެކެވެ. ދެން އޭނާއަށް ބަލައިލެވުނީ އަނެއްކާ ވެސް ދޮރުން ބޭރަށެވެ. އޭރު ދަރަކްއާއި ރުއާނާ ގޭތެރެއަށް ވަންނަން އާދެއެވެ. ދެމީހުން އެކަކު އަނެއްކަކާއި ސަކަރާތް ޖެހުމުގައި އުޅެމުން ދިޔައިރު ބިލާލްގެ ވިހަ ނަޒަރު އަމާޒުވެފައިވާ ކަމެއް ނުދެނެ ހުއްޓެވެ.
“ނޫނޭ، ގޯހެއް އެބަ އުޅޭ.. އެހެން ނޫންނަމަ ރުއާނާގެ ފަރާތުން މިހާ އާދަޔާއި ހިލާފް ކަމެއް ނުފެންނާނެ.. އައިސް އެއްވެސް ވަރަކަށް ރޫމްއިން ނުނިކުމެ އަހަރެމެން ދެކެ ރުޅި ހަދާލައިގެން އުޅުނުމީހެއް.. ހާއްސަކޮން އަހަރެންނާއި ގާތް އެންމެންނަށް ތުރާ ކުރަމުން ދިޔައީ.. އެކަމަކު މިހާރު ތަފާތު.. އެންމެންގެ ތެރެއިން ވެސް ދަރަކްއާއި ގުޅާލީ .. އޭނައަށް އެނގޭނެ ދަރަކްއާއި އަހަރެން ކިހާ ގާތްކަން..ޔަގީން ގޯހެއް އުޅޭކަން” ބިލާލްއަށް ހިތާއި ހިތާ ކިޔާލެވުނެވެ. ދަތްތައް ޖައްސާ ބާރުކޮށްލެވުނު އިރު ސިކުނޑިއަށް އިހްސާސް ވާރަހާ ބޮޑަށް ދެލޯ މަރައި ފިއްތާލެވުނެވެ.
***
ރުއާނާ އާއި ދަރަކް ގޭތެރެއަށް ވަތްއިރު ފުރަތަމަ ވެސް ބައްދަލްވީ ނިއަލްއާއެވެ. މިހާރު އެމޫނު ފޮރުވުމެއް ނެތި އަބަދުވެސް ހުންނަނީ ހާމަކޮށްލައިގެންނެވެ. ކުރީގައި މޫނު ފޮރުވަން ބޭނުންކުރި ކަޅު ފޮތިގަނޑު، އޭނާގެ ކަރުގައި އޮތީ ބޭކާރު އެއްޗެއް ފަދައިން އޮޅާލާފައެވެ.
ނިއަލް ފެނުމާއެކު ވެސް ރުއާނާގެ ލޭ ކެކިގަތެވެ. އޭނާގެ ދަތްޕިލައަށް ބާރުވީ ހިތުގައި އުތުރި އަރަމުންދާ ނަފުރަތެއްގެ ބޮޑުކަމުންނެވެ. ނަމަވެސް، މޫނަށް ވެރިވި ފޫހިކަމުގެ ކުލަވަރު ކުޅަދާނަކަމާއި އެކު ފޮރުވާލަމުން، ތުންފަތަށް ގެނައީ މަޖުބޫރު ހިނިތުންވުމެކެވެ.
“ކިހިނެތް ދުވަސް؟” ނިއަލް ހިނިއައިސް ހުރެ އެހިއެވެ.
“ރަނގަޅު” ރުއާނާގެ ޖަވާބު ކުރެވެ. ނިޔަލްގެ ހިތްވެސް އޭނާގެ މައްޗަށް ލަންބުވާލުން އެއީ ރުއާނާގެ ރޭވުމެކެވެ. އެއީ އޭނާގެ މަސައްކަތައް ނުހަނު ފަސޭހަވާނެ ކަމެކެވެ. އެހެން ނަމަވެސް އޭނާ މޫނު ހިނދުކޮޅަކަށް ފެނިލިއަސް ރުއާނާގެ އެތެރެ ހަށި އަލިފާނުން އަނދައި ގަންނަނީ، ހުޅު ރޯވެ އަނދަމުންދާ އަލިފާން ފަރުބަދައެއް ފަދައިންނެވެ. އޭނާގެ ކުރިމަތިން، ވީ އެންމެ އަވަހަކަށް ފިލަން އެދި ހިތް ގޮވާލަނީއެވެ. މިފަހަރު ވެސް ވެގެން ދިޔައީ އެފަދަ ގޮތެކެވެ. އެކަމަކު، އެތަނުން ދިއުމަށް ރުއާނާ އެޅި ފިޔަވަޅު ހުއްޓުނީ ނިއަލް ގޮވާލުމުންނެވެ.
“ހަމައެކަނި ބަގީޗާއަކު ނޫން، ގޭގެ ފޫޓާއި އިންވެގެން ވާ ހިސާބަށް ނުކުތަސް އެއްވެސް މައްސަލައެއް ނެތް.. ގޭ އެތެރޭގަ ވެސް އުޅެވޭނެ… މިތަނުން ފިލައިގެން ދާން މަސައްކަތް ނުކުރާހާ ހިނދު، އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއް ވެސް މަނަލެއް ނުވާނެ” ރުއާނާގެ ގާތައް ޖެހިލަމުން، ހުޅިން ވަކިވެ މޫނަށް އުނދަގޫ ކުރަމުން ދިޔަ އިސްތަށިކޮޅު ނިއަލްގެ އަތުން ރުއާނާގެ ކަންފަތް ދޮށަށް ލައްވާލިއެވެ. އެހިނދު އޭނާގެ އަތުގެ އިޙްސާސްވެ ކުރިއަށް ވުރެން ބޮޑަށް ރުއާނާއަށް ދަތްތައް ކާރުވައި ގަނެވުނެވެ. ހީވީ ފަކުރު ގަންނަ ޒާތުގެ އެއްޗެއް ފެނިގެން އަނގަހަދާލި ހެންނެވެ. ރުއާނާ ބޭނުންވީ ނިޔަލްގެ އަތް ޖެހުނު ހިސާބު ވަގުތުން ދޮންނާށެވެ. ނަފްސަށް ވެރިވެފައިވާ ރުޅިވެރިކަން މޫނުމަތިން ފެނިދާނެ ކަމުގެ ބިރަށް އެންމެން ފަހުން ބޯޖަހާލާފައި އެތަނުން ދުރަށް ހިނގައިގަތެވެ.
ނިއަލްގެ ކުރިމަތީން ދެވުނު ނަމަވެސް ގާތުގައި ދަރަކް ހުރުމުން އެކަން ނުކުރެވޭނެ ކަންއެނގުމުން މޫނު ވެސް ހަދާލެވުނެވެ. ކަންފަތް ކައިރި އަތުން ފުހެލެވުނެވެ. ރުއާނާ ބަލައިލީ ދަރަކްއަށް އެ މަންޒަރު ފެނުނު ތޯއެވެ. އޭނާ ދުރު ބަލަހައްޓައިގެން ހުރިގޮތުން ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރު ކޮށްލެވުނެވެ. އެހެން ހުރެ ރުއާނާ ވިސްނާލީ، އޭނާ އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތު ހޯދާނެ ގޮތަކާއި މެދުގައެވެ.
“އަޑުއެހިން މީހަކު ބުނާ އަޑު، ޖަލުގަ ތިބެނީ އަދި ވަކި ބައެކޭ” ރުއާނާ ފެށިއެވެ. އެ ބުނި އެއްޗެއް ދޭހަ ނުވެގެން ދަރަކް ނިތް އަރުވާލިއެވެ.
“މިބުނީ ނިއަލް އަދި ވަކި ބަޔަކު ގެންގުޅެއޯ ވަކީންވެސް” ރުއާނާ އިތުރަށް ބުނެލި ހިނދު ދަރަކް ހުއްޓިފައި އޭނާގެ މޫނަށް ޒާތަކައް ކަޅިއެއް އެއްލިއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އޭނާ ހުއްޓެވެ. ހީވީ ކަމެއް ދެނެގަންނަން މަސައްކަތް ކުރާހެންނެވެ.
“ޔޫ މީން އިޒާން؟” ދަރަކް އެ ސުވާލު ކޮށްލީ ވެސް އެ ރާގުގައެވެ. ރުއާނާއަށް ހިންދިރުވާލެވުނީ ދަރަކްއަށް ޝައްކެއްވިއޭ ހީވެފައެވެ. އެހާ ފާޅުގައި އެހެން އަހާލެވުމުން އަމިއްލަ ނަފްސަށް އަޑުލައި ވެސް ގަނެވުނެވެ. އޭނާއާއި މެދު ދަރަކް ޝައްކު ކުރުމުގެ ކުރީން ރުއާނާގެ ޥާހަކަ އަނބުރާލާނެ ގޮތަކާއި މެދު ވިސްނާލިއެވެ.
”އައި މީން، ދަރަކް އައުމުގެ ކުރިން އަހަރެން ބަގީޗާގެ ތެރެއަށް ނުކުތް ވަގުތު އެތަނުގައި ތިބި އަންހެން ކުދީން ކޮޅެއް.. މޫނު ނުފެނުނަސް އެމީހުންގެ އަޑުން އިނގޭނެތާ އަންހެނުން ކަން.. އެމީހުން ދެއްކީ ޖަލުގައި ތިބޭ މީހުންގެ އިތުރުން ނިއަލް އަދި ވަކިން ގެންގުޅެއޯ މީސް މީހުން.. އެމީހުންގެ ގާތަކަށް ނުވަދެވޭނެއޯ އެހެން އެކަކަށް ވެސް ..ނިޔަލްއާއި އޭނާގެ އެންމެ އަޙް މީހުންނޯ ގެންދަނީ އެތަނަށް ކާން ވެސް” ދޮގުހަދަން ބޭނުން ނުވީ ނަމަވެސް ، އެވަގުތު ފެނުނު އެންމެ ބުއްދިވެރި ގޮތަކީ އެއީކަން ރުއާނާ ދެނެގަތެވެ. ރުއާނާ ހަދައިލި ވާހަކަ ދަރަކްއަށް ގަބޫލު ކުރެވުން ކަން ދެނެގަނެވުނީ އޭނާ ބޯޖަހައިލުމުންނެވެ. ނަމަވެސް ދަރަކްގެ މޫނަށް އޭރު ވަނީ ނުތަނަވަސް ކުލަވަރުތަކެއް އަރާފައެވެ.
“އެނގޭތަ އެއީ ކޮންބައެއްކަން؟ އެކަހަލަ ވާހަކަ ދެއްކުން މަނާ ވާނެ މިތާގަ.. ނިއަލްގެ އެހާ އަމިއްލަ ވާހަކައެއް ބަޔަކު ދެއްކިކަން އެނގިއްޖެނަމަ އެމީހުންނަށް އޮތް ހައްގު ޝަޒާއަކީ މަރު.. ބުނޭ އެއީ ކޮން ބައެއް..” ދަރަކްގެ މޫނުމަތީގައި ވަނީ ސާފް ހިތްހަމަ ނުޖެހުމެވެ. ވާހަކަ ދެއްކި އިރު އަޑުވެސް ފުދޭވަރަކަށް ބާރެވެ. ހަރުކައްޓެވެ. އެކަމުން، ރުއާނާއަށް ލިބިގެން ދިޔައީ ހާސްކަމެވެ.
“ކާމް ޑައުން.. އެވަރު އެއްޗެއް އެކުދިން ބުނީމަ ދެން އެމީހުން މަރަން ވާނެތަ.. ޕިސް ދަރަކް މެން ހާދަ ރަހުމެތް ނެތޭ ދޯ.. އެ ދެން ބަހައްޓަބަލަ، މަށައްށޭ އިވުނީ.. އެހެން މީހަކު ނުވެސް ނެތް.. އެހެންނޫނަސް އަހަންނަކީ މިތަނުގައި އުޅޭ މީހެކެއްނު، މަށައް ކޯއްޗެއްތަ ސިއްރު ކުރަން އޮތީ” ލިބެމުން ދިޔަ ހާސްކަން ފޮރުވަމުން ނުހަނު ބޮޑަށް ހީލައިގެން ހުރެ ރުއާނާ ވާހަކަ ދެއްކިއެވެ. އިރުކޮޅަކު ދަރަކް އެއްޗެއް ނުބުނެ ހުރެ އަނެއްކާ ވެސް ބޯޖަހައިލިއެވެ.
” ހާސްވާނެ އެންނު މީހުން ތަކެކޭ ބުނީމަ.. ނިއަލް އާއި ބެހޭގޮތުން މީހަކު ދޮގު ހަބަރެއް ދީފިއްޔާ އަދި އަމުދުން ސެކަންޑް ޗާންސެއް ނުދޭނެ.. ތިބުނާ އަންހެން ކުދީން އެހެދީ ދޮގެއް.. މީހުން ތަކެއް ފޮރުވައިގެންނެއް ނުގެންގުޅޭ.. ރުއާނާ ތި ނިދާ ކޮޓަރިއާއި ޖެހިގެން ދެކޮޓަރި ދޫކޮށް ދެން އެހުންނަ ކޮޓަރިއަކީ ތިބުނާ މީހާ ބާއްވާފަ އޮންނަ ތަން.. އޭނަ އެކަނި މިތާގަ ވަކީން އޮންނާނީ.. އެއީ އިޒާން..ރުއާނާ ބުނާ ހެން މިތާގަ އުޅޭ އިރު މިކަހަލަ ކަންކަން ސިއްރު ކުރުމުގެ ބޭނުމެއް ނެތް.. އެކަމަކު އޮޅިގެން ވެސް އެތަނަށް ނުވަންނައްޗޭ.. އޭރުން ކަމަކު ނުދާނެ… މިބުނީ ނިއަލް ނުބުނާހާ ހިނދަކު ނުވަންނަން.. މިކަން އެނގުނުކަން ވެސް އަންގާ ނުލާތި” ދަރަކް ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ. ހީވީ އޭނާ އެހެން ބުނާ އަޑު ވެސް އިތުރު މީހަކަށް އިވިދާނެތީ ޖެހިލުން ވެފައި ވީހެންނެވެ.
ބޭނުންވި މައުލޫމާތު އެހާ ފަސޭހައިން ލިބުމުން ރުއާނާގެ ހިތައް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ.ނުހަނު ބޮޑަށް ހެވިފައި ހުރެ ރުއާނާ ބޯޖަހައިލިއެވެ. ދަރަކްގެ މޮޔަކަމަށް ހިތާއި ހިތުން ހެމުން ރުއާނާ އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ. އެކަމަށް ވެސް ޖެހުނީ ވާހަކައެއް ހަދާލާށެވެ.
“މިހާރު ވަރުބަލި ވެއްޖެ.. ދެން ދަރަކް ވެސް ގޮސްލާ .. ނިދާލަން މިދަނީ” ރުއާނާ ބުނެލީ ކޮޓަރިއާއި ހަމައަށް އެރުމުންނެވެ.
ދަރަކް ބޯޖަހާލާފައި ދިޔައީ ފަހުން އަންނާނަމޭ ބުނެފައެވެ. ދަރަކް ދިޔަ ދިމާލަށް އެނބުރި ރުއާނާ އަނގަޔަށް ވައްތަރެއް ޖައްސާލާފައި، ކޮޓަރިއަށް ވަނުމަށް އުޅުނެވެ. އޭނާ ފެނުމުން ކޮޓަރީގެ ދެފަރާތުގައި ތިބި ދެ ފާރަވެރިން އަދަބުވެރިކަމާއި އެކު ބޯގުދުކޮށްލިއެވެ. ލިބިފައިވި އާދަޔާއި ހިލާފް އުފާވެރިކަމުގައި ހުރެ އެމީހުންނަށް ވެސް ރީތި ހިނިތުން ވުމެއް ދީފައި ރުއާނާ ވަދެ އިށީންދެލީ އެނދުމަތީގައެވެ.
ގަޑީ ބަލައިލިއިރު މިރޭގެ ކެއުމާއި އަދި ފުދޭވަރަކަށް ވަގުތު އެބައޮތެވެ. މިސްވާ ފެންނާނީ އެންމެ އަވަހަށް ވެސް އޭރުންނެވެ. އިންތިޒާރުގެ ވަގުތުތައް އެވަގުތުން ފެށިގެން ރުއާނާއަށް ގުނެން ފެށުނު އިރު އެއްތާކު އިށީންދެ އިނުމަށް ވެސް ނުކުޅެދުނެވެ. ކޮޓަރިތެރޭގައި އެއްކޮޅުން އަނެއްކޮޅަށް ޖެހުނީ ކިތައް ބުރުކަމެއް ނޭނގެއެވެ. އެންމެފަހުން އަނެއްކާ ވެސް ރުއާނާ ގަސްތުކުރީ ބޭރަށް ނުކުމެލުމަށެވެ. ނަމަވެސް މިފަހަރު އޭނާގެ ވިސްނުން ހުރީ ގަނޑުވަރުގެ ބޭރަށް ނުކުމެލުމަށެވެ. ނިއަލް ވަނީ އެހުއްދަ ދީފައެވެ. އެކަމުގެ ސަބަބުން ހިފަހައްޓާނެ މީހަކު މިއަދު ނުހުންނާނެއެވެ. އެހެން ހިތައް އެރުމާއި އެކު އަނެއްކާ ވެސް ހީގަނެވުނެވެ. އަލުން ކޮޓަރިން ބޭރަށް ނުކުމެލިއެވެ.
****
ލިއަމްއާއި ޒައްޔާން ކުރީގައި ތިބިއިރު އެމީހުންގެ މަގަތުގައި އަޒްލާން ވެސް ޖެފްރީން ހިފަހައްޓައިގެން ހުއްޓެވެ. އެމީހުންގެ ފަހަތުގައި ބިޔަ ލަޝްކަރެއް އޮތެވެ.
އަޒްލާން ފިޔަވައި އެކަކުވެސް ހުރީ މޫނު ނިވާކޮށްގެނެއް ނޫނެވެ. އާންމުގޮތެއްގައި މޫނު ފޮރުވައިގެން އުޅޭ ލަޝްކަރުގެ މީހުންގެ މޫނުތައް މިއަދު ހާމައަށް ހުރުމުން ތަފާތުތަކެއް ފާހަގަކުރެވުނު ނަމަވެސް، އެ މޫނުތަކުން ފެންނަނީ ނުގުޑާފަދަ ވަރުގަދަ އަޒުމެކެވެ. ޖެހިލުން ވުމުގެ ކަންފުޅެއް ވެސް ނެތެވެ. ހައިބަތުހުރި ބިޔަ ހަށިތަކެކެވެ. ކޮންމެ މީހެއް އުރުގައި މިޔަ ތޫނު ކަނޑިއެއް އޮތްއިރު ފެންނަނީ ސާބިތުކަން މަތީގައި ތިބި މަންޒަރެވެ. މަޑުކޮށްލީ ޒައްޔާންގެ އާއިލާ ދިރިއުޅެމުންދާ ގަނޑުވަރުގެ ބިއްދޮށުގައެވެ. އެއީ ޖެފްރީން އަންނަ ބުނި ހިސާބެވެ. އަދި ބިލާލްއާއި އޭނާގެ މީހުން ރުއާނާ ގެންދަނިކޮން އެންމެ ފަހުން ފެނުނު މަންޒިލެވެ. ހުސްބިމެއް އޮވެފައި ފަށައިގެން ވަނީ ބިޔަ އުސް ފަރުބަދަ ތަކެވެ. އެ ފަރުބަދަ ތަކުގެ ކޮޅުތައް ނުފެނެއެވެ. ޖެފްރީން ހުރީ އެ ފަރުބަދަތަކަށް ނަޒަރު ހުއްޓާލައިގެންނެވެ.
އެމީހުން އިތުރަށް ކުރިއަށް ނުގޮސް ތިބީ މިރެއިލް ގޮވައިގެން އީތަން އަންނަން ދެންނެވެ. އެވަގުތުވެސް ބޯކޮން ދިޔައީ ސްނޯ ވެހެމުންނެވެ. އުޑުމަތީގައި ބޯކޮން ވާ ވިލާތަކުގެ ސަބަބުން އިރުގެ އަލިކަމެއް ނުފެނުނު ނަމަވެސް އެއީ އިރު އޮއްސެމުން ދިޔަ ވަގުތެވެ.
ކަނދުރާއާއި ހަމައަށް ދިގުވެފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ލިއަމް ދޫކޮށްލީ ފިނި ނޭވާއެކެވެ. އެހިސާބަށް ރުއާނާ ހޯދުމަށް އެތައް ފަހަރަކު އާދެވިފައި ވީ ނަމަވެސް އެއްވެސް ހިލަމެއް ކުރިން ވެސް ވެފައި ނުވާތީ، އޭނާގެ މޫނުމަތިން ފެނިގެންދަނީ ހިސާބެއްގެ މާޔޫސްކަމެވެ. ރުއާނާގެ ސޫރަ ހިތުގައި ސިފަވެލާ ކޮންމެ ހިނދެއްގައި ލިއަމްއަށް ބޭރު ކޮށްލެވެނީ ހިތްދަތި ކަމުގެ އާހެކެވެ. އެހެނަސް ކެތްތެރިވެ އުއްމީދު ކަނޑާނުލާ އެ މަސައްކަތުގައި ތިބުން ނޫން ގޮތެއް ވެސް ނެތެވެ.
“އެމީހުން އައިސްފި” ލަސްކަރުން މީހެއްގެ އަޑަށް ލިއަމް ބަލައިލިއެވެ. އެމީހުންނާއި ފުދޭވަރަކަށް ދުރުގައި ހުރި ފަރުބަދަ އެއްގެ އައްސޭރީގައި ފުރޮޅުލީ ގޮނޑިއެއްގައި މިރެއިލް އިނެވެ. އޭނާގެ ގޮނޑީގެ އަތްގަނޑުގައި އީތަން ހިފާލައިގެން ހުރިއިރު ގާތުގައި ޝިއާ ހުއްޓެވެ. މިރެއިލްގެ ހާއްސަ ލަޝްކަރު ވެސް އެމީހުންގެ ފަހަތުގައި އޮތްތަން ފެނުމުން ލިއަމްގެ ހިތައް ލިބުނީ އާދަޔާއި ހިލާފަ ހިތްހަމަޖެހުމެކެވެ. އީތަންގެ މޫނަށް ލިއަމްއަށް ބަލައިލެވުނީ ޝުކުރުން ފުރިފައިވާހާލުގައެވެ.
“އާރ ވީ ރެޑީ؟” އެހާ ދުރުގައި ހުރެ ވެސް އީތަން ބުނެލި ޖުމްލަ، ނުހަނު ސާފްކޮން ލިއަމްގެ ކަންފަތައް އިވުނެވެ. ވަގުތުން ބޯޖަހައިލިއެވެ.
“ޖެފްރީން، އިޓްސް ޓާއިމް.. މިހާ ހިސާބަށް އައިސް މަކަރާއި ހީލަތުގެ އެއްވެސް ކަމެއް ކޮށްފިއްޔާ ވަރަށް ގޯސްވާނެ.. ކަލެއަށް އޮތީ މަރު” ޖެފްރީންގެ ކުރިމަތީގައި ހުރެ ލިއަމް ބުނެލީ އިންޒާރާއި އެކުގައެވެ. ޖެފްރީން ޖަހައިލީ ހިނިގަނޑެކެވެ.
“ހަހަހަ.. ކޮން ކަމަކާއި ބިރު ގަންނަންވީ.. ކިތައް ފަހަރު ބުނާނީ އަހަރެން ބިރެއް ނުގަނެއޭ މަރާލަފާނެތީ އެއް.. ހަހަހަ..އަމިއްލައަކަށްނު ހުރިހާ ވާހަކައެއްވެސް ކިޔައިދިނީ.. މަ ވެސް ބޭނުމެއް ނުވެއޭ އެމީހުންނަށް އަބަދު ކާމިޔާބު ލިބޭކަށް.. މަށައް އޯކޭ ބުރޯ ކޮއްކޮ މަށައް ނުދިނަސް.. ޓްރަސްޓް މީ… މަރުވުމުގެ ކުރިން ރުއާނާގެ ކިބައިން މާފަށް އެދެން ބޭނުން.. ސޯ ލެޓް މީ ޑޫ ދެޓް” ޖެފްރީން ވާހަކަ ދައްކަމުން ގޮސް ފަހު ދެ ޖުމްލަ ބުނެލި އިރު ހިސާބަކަށް އެއަޑަށް މަޑުމޮޅިކަން ހުރީ ވަދެފައެވެ. އެކަމަކު އެކަން އިތުރު މީހަކަށް ނަގައިގަނެވުމުގެ ކުރީގައި އޭނާ ކުރިއަށް ހިނގައިގަތެވެ.
އެހެންމީހުންނަށް އައުމަށް އިޝާރާތެއް ކޮށްފައި، ޖެފްރީން އޭނާގެ ދިގު ވަރަ ނެރެލަމުން ހުރިގޮތައް މައްޗަށް އަރައިގެން ދިޔައެވެ. އުދުހެމުން ގޮސް އޭނާ މަޑުޖެހިލީ އުސް ފަރުބަދަ ތަކުގެ އެންމެ އުސް ހިސާބަށް ގޮހެވެ. އެހިސާބުން މައްޗަށް އެރިއިރު ފުރަތަމަ ފެންނަނީ ކުދި ކުދި ފަރުބަދަ ތަކެވެ. ދެން ފެނިގެން ދަނީ ދިހަވަރަކަށް ފޫޓު ދުރުގައި އޮތް ހުސް ބިމެވެ. އެތައް ހުރީ ފޫޓެއްހާ އުސްކޮންނެވެ. އެހިސާބު ފާހަގަ ކޮށްފައިވާ ރަތްކުލައިގެ ވިދުމެއް ހުރި ރޮނގެން ތިރީގައި އިނެވެ. ތިރީގައިވާ ޒައްޔާންގެ އާއިލާގެ ގަނޑުވަރާއި ގުޅިފައިވާ ހުސް ހިސާބަށް ވުރެން އެތަނުގައިވާ ހުސް ބިމުގެ ޖާގަ ބޮޑެވެ. ޖެފްރީން ތިރިކޮށްލީ ފަރުބަދައެއްގެ އައްސޭރިގައެވެ.
ބިން ފޮރުވާލާފައިވަނީ ސްނޯއިންނެވެ. އެ ކުދި ފަރުބަދަތަކުގެ ކޮޅުތައް ވަނީ ސްނޯއިން ފޮރުވާލާފައެވެ. މާޙައުލުގައި ބޯ ދުންފިނި ފެތުރިފައިވީ އިރު ހިފާލާފައިވަނީ ވަނީ އާދައިގެ އިންސާނަކަށް ސިކުންތަކަށް ވެސް ކެތް ނުކޮށްލެވޭނެ ފަދަ ގަދަ ފިންޏެކެވެ. ޖެފްރީން ކުރީގައި ހުރި އިރު އޭނާގެ ކަޅި ހުރީ އުސްކޮން އޮތް ހިސާބު ފާހަގަކޮށްފައިވާ ރަތް ރޮނގަށެވެ. އެއީ އޭނާގެ މަސައްކަތެކެވެ. އެ މާހައުލު ދޫކޮށް ދިއުމުގެ ކުރިން އަމިއްލަ ރައްކަލަކަށް އޭނާ ކުރި ކަމެކެވެ. އެތަނަށް ގުޑުމެއް ވެސް ނާރާ އޮތުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އެއިން ވިދުމެއް އަރަމުން ދިޔަ ނަމަވެސް ޖެފްރީން ފިޔަވައި އިތުރު މީހަކަށް އޭރު އަދި އެކަން ފާހަގަ ވީ ހެން ހިއެއް ނުވެއެވެ.
“އޭތް އޭތް ނުދާތި”
ޖެފްރީން ހުއްޓިގެން ހުރި ހިސާބަށް އައިސް ތިރިކޮށްލި ލަޝްކަރުން މީހަކު އެ ހުސްބިމާއި ދިމާލަށް ދާން ފެށުމުން ޖެފްރީންއަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ޖެފްރީންގެ މޫނަށް ބަލާލާފައިވެސް އޭނާ އަޑެއް ނޭހިއެވެ. ނުހުއްޓި ދިޔައީއެވެ. އޭނާ މައްޗަށް އެރި ހިނދު ވީ ނުވީ އެއް ނޭނގުނެވެ. ކުއްލިއަކަށް ފެނުނީ ގައިގާ އަލިފާން ހިފައިގެން ދިޔަ މަންޒަރެވެ. ރުއިމާއި ހަޅޭކުގެ އަޑު ހިނދި، ބޮޑުވެގެންދިޔަ އަލިފާނުގެ ހުޅުގަނޑުން އަނދާ ހުލިވީއެވެ. އޭރު އެންމެންގެ މޫނުމަތިން ފެންނަނީ ސިހުމެވެ.
“އޭ މި ކޮންކަމެއް؟” އޭނާއަށް ވެގެން ދިޔަ ގޮތުން ސިހިފައި ހުރެ ލިއަމްއަށް އެދިމާލަށް ދެވުނެވެ. ނަމަވެސް ކުރިއަށް ފިޔަވަޅެއް ނޭޅެނީސް އޭނާގެ ގައިގާ އަޒްލާން ހިފެހެއްޓިއެވެ. ލޮލުގެ އިޝާރާތުން ދައްކާލި ކުރިމަތީގައި އޮތް ރަތް ރޮނގެވެ.
“އެކަކު ވެސް ކުރިޔަށް ނުދާތި، މީ އަހަރެން މިތަނުގައި އަޅާފަ އޮތް ނުރައްކަލު ނިޝާނެއް.. މިހިސާބުން އެންމެ ތަންކޮޅެއް ކުރިޔަށް ޖެހިލިޔަސް ވެގެންދާނީ ދެންމެ ތި ފެނުނު ގޮތައް.. ހަނދާން އެބަހުރި ދޯ އީތަންއާއި އިޒްވާގެ ކައިވެނީގެ ހަފްލާގެ މައިދާނުން ބޭރު ނުވެވިފަ ތިބި ގޮތް؟ ހޫނުގަނޑެއް އަރައިގެން ހީވަނީ ފިހިގެންދާ ހެންނެއްނު؟ އެކަމަކު މިތަނުން ހަމަ އަނދާނެ.. އަހަރެން ދަމުން ދިޔައީ މިތަން ފާހަގަ ކޮށްފަ.. ބަޓް ސޭޑް، އަހަންނަކަށް ނުފެނޭ ގަނޑުވަރެއް.. ކުރިމަތީގަ މިއޮތީ އެތަން..ނިއަލްގެ ގަނޑުވަރު..މިރެއިލް ލައްވާ ދެން މިހިސާބުން މިކަން ވާން އޮތީ” އެހެން ފަހަރު ތަކާއި ހިލާފަށް މިފަހަރު ޖެފްރީންގެ މޫނުމަތިން ފެނިގެންދަނީ ހާސްކަމެވެ. އޭނާ އުއްމީދުކޮށްގެން ހުރީ އެހާ އަވަހަށް ނިއަލް އަދި ފިޔަވަޅު ނާޅާނެކަމުގައެވެ. ނަމަވެސް ވެގެން މިދިޔައީ އުއްމިދު ކުރި ގޮތަކަށް ނޫނެވެ.
ލިއަމް ބޯޖަހާލާފައި ލޮލުގެ އިޝާރާތުން އަންގާލުމުން އީތަންއަށް ނަގައިގަނެވުނެވެ. މިރެއިލްގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލުމުން މިރެއިލް ދެލޯ މަރާލިއެވެ. ދެއަތް ފައިމަތީގައި ބާއްވާލަމުން މުށްކަރުވާލާފައި އޭނާގެ މަސައްކަތް ފެށިއެވެ. ނުދަންނަ ބަހުރުވަޔަކުން އޭނާ ކިޔަމުންދިޔަ ބަސްތަކުން މުޅި މާޙައުލަށް އެނގުން ވެލިއެވެ. ޖެހެމުން ދިޔަ ވައިރޯޅިތައް ބާރުވެގަތެވެ. ނަމަވެސް އާދަޔާއި ހިލާފް ކަމަކީ އެ ވައިރޯޅިތަކުގައި އެކުލެވިފައިވަނީ މަޑު ހޫނުކަމެކެވެ. އުފެދިފައިވާ ބޯ ދުންފުނި އިހުނަށް ވުރެން ބޯވިއެވެ. އެމީހުން ތިބި ހިސާބުގައި ހީވީ ނަގޫ ރޯޅިތަކެއް އުފެދެމުން ދިޔަހެންނެވެ. ވައިރޯޅިތައް ބާރުވެ ދެލޯ ހުޅުވުމަށް ވެސް ދަތި ވެއްޖެއެވެ.
***
ގޭޓުކައިރީގައި ހުރި ދަރަކް ދުވެލާފައި އެތެރެއަށް ވަނީ ބޭރުން ކުއްލިއަކަށް ފެނިގެން ދިޔަ މަންޒަރުންނެވެ. މުޅިތަނުގައި އެނބުރެމުން ދިޔައީ، އާދަޔާއި ހިލާފަށް ބާރުވަމުން ދިޔަ ވައިރޯޅިތަކެކެވެ. ކުދި ކުދި އަލިގުޅަތައް ވެސް ބޯމަތީގައި އެނބުރެމުން ދިޔައީ ހިތައްބޮޑު ބިރުވެރިކަމެއް ގެންނަމުންނެވެ. އޭނާގެ ހަލުވި މިނުގައި ގޮސް ގެއަށް ވަތް އިރު، ހަބަރު ލިބިގެން ނިއަލްއާއި ބިލާލް ނުކުންނަނީއެވެ. އެ މޫނުތައް މަތިން ވެސް ފެންނަނީ ސިހުމެވެ.
“ކިހިނެތް؟ކިހިނެތް އެމީހުން؟” ބިލާލް ވާހަކަ ދެއްކިއިރު ހައިރާންކަން ނުފިލައެވެ. ދަރަކް ދެކޮނޑު އަރުވާލަމުން ނޫނެކޭ ބުނެލިއިރު، އެތެރެއަށް އެހެން ފާރަވެރިއަކު ދުވެފައި އައި މަންޒަރު ފެނުނެވެ.
”ވަރަށް ގޯސް ވެއްޖެ.. އެމީހުންނަށް އަހަރެމެން ފެންނަން އުޅޭހެން ހީވަނީ”
“މިގަޑީގަ ނެތް ބޭކާރު ޥާހަކަ ދައްކާނެ ވަގުތެއް.. ސީލް ވަރުގަދަކުރޭ.. އެންމެން ނުކުމޭ… ދެމީހުން ދޭ ރުއާނާ ގާތައް..” އޭނާގެ ޖުމްލައާއި އެކު އިވުނީ ނިއަލްގެ ހަރު އަޑެވެ. ނިއަލް އެ ފާރަވެރިއާއި އެކު ދޮރާއި ދިމާލަށް ދިޔައިރު އޭނަގެ އެކުވެރިންވެސް ޖަމާ ވެއްޖެއެވެ.
ދަރަކްއާއި ބިލާލް މިސްރާބު ހުރީ ރުއާނާގެ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އިރު އެތެރެ އޮތީ ހުސްކޮންނެވެ. ކޮޓަރި ބޭރުގައި ފާރައަށް ތިބި ފާރަވެރިން ގާތު އެހުމުން ވެސް އެދެވޭ ޖަވާބެއް ނުލިބުނެވެ. ރުއާނާ އެންމެ ފަހުން ނުކުތީ ބަގީޗާއަށް ކަމަށް ބުނުމުން ދަރަކް ދެކޮޅު ހެދިއެވެ. އޭނާއާއިއެކު ރުއާނާ ކޮޓަރިއަށް އައި ވާހަކަ ދަރަކް ބުނެލިއެވެ. ބިލާލްގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލު ވެގެން ދިޔައެވެ. ރުޅިގަދަވެގެން ދިޔައިރު އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލެވުނެވެ.
“މްމްމް، ގޯހެއް އެބައުޅޭ..މަ ބުނީ މެންނު.. އޭނާ ފިލައިފި” ބޯ ހާސްވީ ވަރުން ބިލާލްގެ ދެފައިވެސް އެއްތާކު ހަރުލާ ގޮތެއް ނުވިއެވެ.
“އެހެން ކިހިނެތްތަ ރުއާނާ ފިލާނީ؟ އޭނާއަކަށް ނުނިކުމެވޭނެ އޭ މި ހަތަރު ފާރު ބޭރަކަށް… އޭނާ ވާނެ މިގޭގަ.. ހަމަ ވެދާނެ އެންނު މަށާ އެއްކޮން އައިސް ފަހުން އަނެއްކާ ނުކުމެލީ ކަމަށް ވެސް” ދަރަކް ގެ ވިސްނުން ހާމަކޮށްލުމުން ބިލާލް ވަކިން ރުޅިގަދަވިއެވެ.
“ކަލެއާއި ބައްޕައަށް ކިހިނެތްތަ ވެފަ ތި ތިބެނީ އޭނައައި ފަހުން؟ މީ ހުސް މަ ދެއްކި ޥާހަކަ ގަބޫލު ނުކުރީމަ އޭގެ ނަތިޖާއޭ! ބަލަން ހުންނާތި އޭނަ ފިލައިފިއްޔާ ކަލޭ ވެސް މަރުވާނެ މަގޭ އަތުން!” ސަޙާދަތް އިނގިލި ހިއްލާލަމުން ބިލާލް ދިން އިންޒާރާއި އެކު ދަރަކްގެ މެޔަށް ނުބައި އުނދަގުލެއް ވިއެވެ. އޭރު ބިލާލްގެ ދެލޮލުން އަލިފާން ކަނި ބުރައެވެ. ބިލާލް ނުކުމެގެން ދިޔުމުން ދަރަކް ވެސް ބިރުން ހުރެފައި ނުކުތީ ރުއާނާ ހޯދުމަށެވެ. އޭނާ ނުކުތީ ބިލާލް ދިޔަ ފަރާތް ނޫން އަނެއް ފަރާތަށެވެ.
***
ގަނޑުވަރު ފަހަތުގައި ހުރި އުނދޯއްޔެއްގައި ރުއާނާ ހަމަޖެހިލައިގެން އިނީ އެހިސާބު ހަމަހިމޭން ކަމުންނެވެ. އެހެން އިނދެ އިރުއޮއްސި މުޅި މާހައުލަށް އަނދިރިކަން ވެރިވެގެން ދިޔައިރުވެސް އަދި މަޑުކޮށްލައިގެން އިނީ މިސްވާ އަންނާނީ ކާގަޑީގައި ކަމަށް ވީތީއެވެ.
އެހެން އިންދާ ސިހުނީ މިސްވާގެ އަޑުންނެވެ. އެހާ ނުވަގުތަކު މިސްވާ ފެނުމުން ރުއާނާ ހައިރާންވިއެވެ. ރުއާނާ ފަސް އެނބުރި ބަލައިލި އިރު މިސްވާ ދުވެލާފައި އަންނަނީއެވެ.
“ރުއާ..ރުއާ” އެހާ ދުވަސްވެފައި ހުރިއިރު ވެސް އޭނާގެ ހަލުވިކަމުން ރުއާނާއަށް މަޖާވިއެވެ.
“ހާދަ ހަމަޖެހިލައިގެން ތިއިނީ،ބޮޑު ކަމެއް ވެއްޖެއޭ”
“އަހަރެން ވެސް މިސްވާ އަންނާނެ އިރެއްގެ އިންތިޒާރުގައޭ މިހުންނަނީ.. އުފާވެރި ހަބަރެއް އެބައޮތް” މިސްވާގެ ވާހަކަ މެދު ކަނޑާލާފައި ރުއާނާ ވާހަކަ ދައްކަން ފެށިއެވެ.
“ލިއަމްގެ ބައްޕަ ބާއްވާފަ އޮތްތަން އަހަންނަށް އެނގިއްޖެ މިސްވާ” ރުއާނާ ފުޅާ ހިނިތުންވުމެއްގައި ހުރެ ބުނެލި ހިނދު، މިސްވާގެ މާޔުސްވެފައިވާ މޫނުމަތީގެ ކުލަވަރު މުޅިންހެން ބަދަލުވެގެން ދިޔައެވެ.
“ކީކޭ؟ ހަމަ ރަނގަޅު ހަބަރެއްތަ ތި ދިނީ؟ “މިސްވާގެ ދެލޯ އުފަލުން ވިދައިގަތެވެ. ރުއާނާ އަވަސްއަވަހަށް ބޯޖަހައިލަމުން އެނގުނު ގޮތް ކިޔައިދިނެވެ. އަދި ދެން ހަދަންވީ ގޮތާއި ބެހޭގޮތުން މިސްވާ ކުރެން އެހިއެވެ. މިސްވާ ދައްކައިލީ ދުރުން ފެނިގެންދާ ގަނޑުވަރުގެ މައި ދޮރާއި ދިމާ މައްޗެވެ. އެނބުރެމުން ދިޔަ އަލިގުޅަތައް ރުއާނާގެ ލޮލުގައި އަޅައިގަތެވެ. ބާރުވެފައިޥާ ވައިރޯޅިތައްވެސް އޭނާއަށް އިޙްސާސްވި އެހިނދެވެ.
“އަހަރެމެންގެ މަސައްކަތައް މާ ބޮޑަށް ވެސް ފަސޭހަ ވެއްޖެ.. ހީވަނީ ރުއާ ސަލާމަތް ކުރަން ހޫރައިންގެ އާއިލާ އައީ ހެން.. ބޮޑު ހަނގުރާމައެއް ފެށެނީ އެ…މުޅި ގޭތެރެއާއި ގަނޑުވަރުގެ ބޭރަށް ނިއަލްގެ ފައުޖު ނެރެ ފުރާލައިފި.. ނުވިތާކަށް ނިއަލްގެ ހާއްސަ އެކުވެރިން ވެސް އެމީހުންގެ ބިޔަ ލަޝްކަރު ނެރެ ، ބޭރުގަ އޮތީ ހަމަލާ ދޭން ތައްޔާރަށް.. މިހާރު އެންމެން އުޅެނީ ރުއާ ނުފެނިގެން.. އެމީހުން އެއުޅެނީ ރުއާ ފޮރުވަން ވެގެން.. ހިތެއް ނުބުނެ މިވަގުތު އެމީހުންގެ އަތް ދޮށަށް ރުއާ ގޮސްފިއްޔާ ދެން ފަސޭހައިން ނުކުމެވޭނެ ހެންނެއް.. އެ ބިލާލްއާއި ދަރަކް ވެގެން ވަރަށް އެބަ ހޯދާ ރުއާ.. އަހަންނަށް ވެސް ހަބަރު ލިބިގެން ނުކުންނަނިކޮން އަހަރެން ގެންގުޅޭ ތިން މީހުން ކުރެ އެކަކު ބުނި ރުއާ ވީ މިތާގަ އޭ” މިސްވާ ކިޔައިދިނެވެ. އެވާހަކަތަކުން އޭނާ ބިރުގަންނަ ގޮތްވިއެވެ. މިސްވާގެ އަތުގައި ހިފާލެވުނެވެ.
“ހާސް ނުވޭ.. އަހަންނާ އެއްކޮން އާދޭ.. ހަނގުރާމަ އިއުލާން ކުރީމަ، ތިން ބައިވެރިން މި ފޮނުވީ މިވަގުތައް އިޒާން ބާއްވާފަ، ރާބިއު އާއި ހޫރައިން ގޮވައިގެން ފިލަން.. އެކަމަކު އިޒާން-”
“ނޫނޭ.. ލިއަމްގެ ބައްޕަ އޮތްތައް އެނގުނީ އެންނު.. ދެން ބޭނުންވަނީ އުނދަގޫ ވިޔަސް ނެރެގެން ދާން” ރުއާނާ ވަގުތުން ބުނެލިއެވެ. މިސްވާ ހީލީއެވެ.
“ހަމަ ތިހެން ބުނަން މިއުޅެނީ.. އެމީހުން އެއަންނަނީ ރާބިއު އާއި ހޫރައިން ގޮވައިގެން.. ހިނގާ އިޒާން ފެނޭތޯ” މިސްވާ ބުނެލިއެވެ. ރުއާނާ ބޯޖަހައިލަމުން އިސްތަށިގަނޑުގެ ފަހަތައް ވައްޓާލާފައި އޮތް ހުޑު ނަގާ ބޮލުގައި އަލުވާލާ ރަނގަޅަށް މޫނު ފޮރުވާލިއެވެ. ނަމަވެސް ސިހުނީ އައި ނައި ގޮތެއް އޭނާގެ ކުރިމައްޗަށް ހުއްޓުނު ދަރަކު ފެނިއެވެ. އޭނާ ފުރަތަމަ ވެސް ރުއާނާގެ ބޮލުގައި އެޅުވިފައި އޮތް ހުޑު ނަގާ ދުރަށް ހޫރުވާލީއެވެ. ސިހުނު ވަރުން ރުއާނާގެ އަނގައިން ނުކުތީ ތޫލި ހަޅޭކެއްގެ އަޑެވެ. ރުއާނާއަށް ވެގެން ދިޔަ ގޮތުން އޭނާ ވެރިކޮށްލީ ވިހަ ހިނިތުންވުމެކެވެ.
****
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު