“އިރަމް.. ” އިރަމްގެ ކަންފަތުގައި އެއަޑު ހަރުލައިގެން ދިޔައެވެ. އެއީ އޭނާއަށް ބީރައްޓެހި އަޑެއް ނޫނެވެ. ކޮންމެވެސް ތާކުން، ކޮންމެވެސް ވަގުތެއްގައި އިވިފައިވާ ފަރިތަ އަޑެކެވެ. ނަމަވެސް، ހިތަށް ސަވާރުވެފައިވާ ބިރުވެރިކަމެއްގެ ބޮޑުކަމުން، އެއީ ކާކުގެ އަޑެއްކަން ދެނެގަންނާކަށް އޭނާގެ ސިކުނޑިއަކަށް ފުރުޞަތެއް ނުލިބުނެވެ. ފަހަތުން އަންނަ މީހަކަށް ފެނިދާނެތީ ސިހިސިހި ހުރެ ފޯނު ކަނޑާލަން އުޅުނު ނަމަވެސް، މީރާން މެދުނުކެނޑި ކުރަމުންދިޔަ ކޯލްތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. ދެވަނަ ފަހަރަށް އިރަމްގެ ނަމުން ގޮވާލާފައި އޭނާގެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. އިރަމް ހަށިގަނޑުގައި ހުރި ބާރެއްލާފައި ދުއްވައިގަތެވެ. އެމީހަކު ވެސް އިރަމްގެ ފަހަތުން ދުއްވައިގަތް އަޑުއަޙާފައި ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. މުޅި ހަށިގަނޑުވެސް ތުރުތުރުލަމުން ދިޔަގޮތުން އިރަމްއަށް ހީވީ އޭނާގެ ހޭވެރިކަން ވެސް ފިލާފާނެހެންނެވެ. އިރަމްގެ ނަސީބު ވެސް ދެރައީއެވެ. ކުއްލިއަކަށް ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. ދުވަމުން ދިޔަވަރުން އޭނާގެ ހަށިގަނޑުން ހަކަތަ ހުސްވެ، ނޭވާ ކޮޅަށް އަންނަން ފަށައިފިއެވެ. ހާސްވެފައި ހުރި ވަރުން، އޭނާއަށް ދެވެނީ ކޮން ދިމާލަކަށް ކަމެއްވެސް ނޭނގެއެވެ. ހީވަނީ އެ ފަހަތުން އަންނަ ނުރައްކާތެރި ހިޔަނި، ކޮންމެ ފަދަ ވަގުތެއްގައިވެސް އޭނާގެ އަތްދަށު ކޮށްފާނެހެންނެވެ.
***
އެބޯކެރިގަނޑުގެ ތެރޭގައި ދުވަމުން އިރަމްއަށް ނުކުމެވުނީ ފިހާރައެއްގެ ކުރިމައްޗަށެވެ. އެއީ އޭނާއަށް ފަރިތަ މާހައުލެއްކަމުން، ގެއާ އެހާ ދުރަށް އާދެވުނުކަން އިހުސާސްވެ، ހިތް އިތުރަށް ބިރުގަތެވެ. އޭރު ދެފައި ވަނީ ބިމުގައި ފައި ހަރުނުލެވޭ މިންވަރަށް ވާގިނެތި، ކޮޅުންލާފައެވެ. އިތުރު ވިސްނުމަކަށް މަޑުކުރުމެއް ނެތި، ރައްކާތެރިކަމެއް ހޯދުމުގެ ނިޔަތުގައި އެ ފިހާރައިގެ ތެރެއަށް ދެމިގަތެވެ. އޭރު އިރަމްގެ މުޅި ހަށިގަނޑުން ހަކަތަ ހުސްވެ، ވަރުބަލިކަން ވަނީ އިންތިހާއަށް ގޮސްފައެވެ.
އިރަމް އެތެރެއަށް ވަދެވުނު ބާރުމިނުގައި، ކޮންޓްރޯލުން ނެއްޓިފައިވާ ހަށިގަނޑު ގޮސް ޖެހުނީ ކައުންޓަރު ބުޑަށެވެ. އެ ކުއްލި ސިހުމާއެކު، މޭޒުދޮށުގައި އިން ޒުވާން އަންހެންކުއްޖާއާއި، ވާރޭއިން ހިޔާވުމަށް އެތަނުގައި ތިބި ދެ ފިރިހެންކުދިންނަށް ބޭއިޚްތިޔާރުގައި ތިބިތަނުން ތެދުވެވުނެވެ. ވެއްޓުނު ގޮތަށް ތެދުވާނެ ހިތްވަރެއް އިރަމްގެ ގަޔަކު ނެތެވެ. މުޅި މާހައުލު އެނބުރެމުން ގޮސް، ލޮލުގެ ކުރިމައްޗަށް އަނދިރިކަން ވެރިވެ، ދެލޯ މެރެން ފެށިއެވެ. ފިނިވެ ތެމި ފޯވެފައިވާ ހަށިގަނޑު ދިޔައީ ނުހަނު ބާރަށް ތުރުތުރުލަމުންނެވެ.
“ހޭއި ހޭއި، އަރ ޔޫ އޯކޭ؟”
ގާތުގައި ތިބި ތިން ޒުވާނުން ހާސްވެފައި ސުވާލުކުރަމުން ދިޔަ އަޑު އިރަމްގެ ކަންފަތަށް އިވެމުން ދިޔައީ ވަރަށް ފަނޑުކޮށެވެ. މަޑުމަޑުން އޭނާގެ ހޭވެރިކަން ފިލައި، ހިމޭންކަމުގެ ފުން ކަނޑަކަށް ގެނބެމުން ދިޔަ ކަހަލައެވެ.
**
އިރަމްއަށް ހޭވެރިކަން ވީއިރު އޮވެވުނީ ހޮސްޕިޓަލުގެ ހިމޭން މާހައުލުގައެވެ. ލަސްލަހުން ދެލޯ ހުޅުވާލި ހިނދު، އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެނދުގެ އަރިމަތީގައި ހުރި އައިވީ ސްޓޭންޑެވެ. އޭނާގެ އެއް އަތްތިލައިގައި މީހަކު ނުހަނު އޯގާތެރިކަމާއެކު ހިފަހައްޓާލައިގެން އިންކަން އިހުސާސްވިއެވެ. އެއީ މަޖުދާގެ އަތްކަން އެނގުމާއެކު، އިރަމްގެ ދެލޯ ކަރުނުން ފުރުނެވެ. ފުރަތަމަވެސް ހަނދާނަށް އައީ، ހޭވެރިކަން ފިލައިދިޔުމުގެ ކުރިން ހިނގި ބިރުވެރި ހާދިސާގެ މަތިންނެވެ. އެހަނދާނާއި އެކު ޖެހި ކައްޓެއްހެން ތެޅިގަނެފައި ތެދުވިއެވެ.
“މަންމާ!” ކަރުފަޅައިގެން ދާހާ ބާރަށް އިރަމްއަށް ހަޅޭއްލަވައިގަނެވުނެވެ. ދެވަނަ ސިކުންތުގައި ދެކަންފަތުގައި އަތް އަޅައިގެން އިނދެ ރޯން ފެށީ އޭނާގެ ފަހަތުން ދުވަމުން އައި މީހާ ސިފަވުމުންނެވެ. ނަދީމްއާއި މަޖުދާ ދެފަރާތުން އިރަމްގެ ގައިގާ ބައްދާލައިގެން ތިބެ ގޮވަމުން ދިޔަ ނަމަވެސް ބިރުގަނެފައި ހުރިވަރުން އުޅުނީ އެމީހުންގެ އަތްތައް ފޮޅުވާލުމަށްފަހު ދުއްވައިގަންނާށެވެ. ނަމަވެސް އިޔާން ހުށިޔާރުކަމާއި އެކު އިރަމްގެ ގައިގާ ހިފަހެއްޓިއެވެ. އޭރުވެސް ދިޔައީ އިރަމް ގަދަހަދަމުންނެވެ.
“އިޓްސް އޯކޭ، އިޓްސް އޯކޭ، ޝޫޝްޝް” އިޔާންގެ އަޑުޖެހުމުން އިރަމްގެ ހަރަކާތްތައް މަޑުޖެހިލިއެވެ. އޭރު ހިމޭން ގިސްލުމެއްގެ އަޑު އިވެއެވެ. އެހާވަރަށް ގަދަހެދުމުގެ ސަބަބުން އޭނާ ފެންނަނީ ވެސް ވަރުބަލިވެފައިވާތަނެވެ. އިރަމްގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިޔާން ހުއްޓެވެ.
“ދަރިފުޅާ… އިރޫ… މީ މަންމައޭ.. މަންމަ މި އިނީ ދަރިފުޅުގެ ގާތުގައޭ” އިރަމްގެ ހާލަތު ފެނި ރޮވިފައި ހުރެ އޭނާގެ އުނަގަނޑުގައި މަޖުދާ ފިރުމާލިއެވެ. “ދަރިފުޅާ، ހަމަޖެހޭ” ދެލޯ ފުހެލާފައި މަޖުދާ ވަރަށް ލޯތްބާއެކު ވާހަކަދެއްކިއެވެ. އިރުކޮޅަކު އެހެން އިނދެފައި އިރަމް މަޑުމަޑުން އިސްއުފުލައި ބަލައިލިއެވެ. މަޖުދާގެ މޫނު ފެނުމާއެކު، ތުންފިއްތާލަމުން ކުރިއަށްވުރެވެސް ބޮޑަށް އޭނާއަށް ރޮވިއްޖެއެވެ. އަދި އިޔާންގެ އަތުގެ ތެރެއިން ނިކުމެ، މަޖުދާގެ ގައިގައި ބާރަށް ބައްދާލިއެވެ.
އެގޮތުގައި އެތައް އިރެއް ވީފަހުން އިރަމްއަށް ނިދި ޖެހޭ ގޮތްވުމުން ނަދީމް، އޭނާ އެނދުގައި ބާއްވާލަދިނެވެ. ގަދަހެދުމުގެ ތެރޭގައި އަތުގައި ގުޅާފައި އިން އައިވީ ކެނިއުލާ ލުހިފައި ހުރުމުން، ނަރުހުން އާ ކެނިއުލާއެއް ގުޅުމުގެ މަސައްކަތް ފެށިއެވެ. އިރަމްގެ ބޯކޮޅުގައި މަޖުދާ އިށީންދެލައިގެން އިން އިރު ހިނދުކޮޅަކަށް ވެސް ދުރަކަށް ނުދެއެވެ.
“ކިހިނެތް ބާ މިވީ” ނަދީމްއަށް ދެރަވެފައި ހުރެ އެހުނެވެ.
“ނޭނގޭ އެއްގޮތަކަށްވެސް.. ވަރަށް ގިނައިން ހުރި ގުޅާފަ.. އެގަޑީގަ ރީއްކޮގެ ސާމާނުކޮޅެއް ހުސްވެފަ ހުރީމަ ފިހާރައަށް ގޮސް ގެޔަށް އަންނަނިކޮން އެހުރީ ގުޅާފަ.. ފޯނު އޮތީ އެތަނުން ކޮތަޅެއްގެ އެތެރެއަށް ލެވިފަ.. މީރާންއަށް މެސެޖްކޮށްފަ، މީހަކު ފަހަތުން އަންނަނީ އޭ ބުނީމަ އެވަގުތުން ފެށިގެންނޯ އިރޫގެ ފޯނަށް ގުޅަމުން ދަނީ.. އެންމެފަހުން ގުޅިތަނާ ފޯނު ނެގީ ނުވެސް ދަންނަ ކުއްޖެއް .. އިރޫ ހޭވެރިކަމެއް ނެތިފަ ފިހާރައިގެ ތެރެއަށް ވެއްޓިފަ އޮތް ވާހަކަ ބުނީމަ އޭނާ ދިޔައީ..” އިޔާން ކިޔައިދިނެވެ. ނަދީމްއަށް ދޫކޮށްލެވުނީ ނުތަވަސް ނޭވާއެކެވެ.
“އެއްކަމަކުން ސަލާމަތް ނުވެވި އުޅެނިކޮށް އަނެއްކަމެއް. ކުރީގެ ހާދިސާއިން އަރައިގަނެވި، އިހަށް ދުވަހު އެކުއްޖާ އެކަނި ބޭރަށް ނުކުމެ އުޅެން އެފެށީ” ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފުހެމުން މަޖުދާ ވާހަކަދެއްކީ ނުހަނު ހިތްދަތި ރާގަކަށެވެ. “ކޮބާ މީރާން މިހާރު؟” އޭނާ އަހައިލިއެވެ.
“ނީޝް އަންނަން ވެގެން ރޯން ހެދީމަ އެދިޔައީ ބަލާ.. ދޮންތަބެ ވެސް އެބައާދޭ.. ކަމެއް ގޯސްވަންޏާ ގުޅާލަ، މިދަނީ ސްޓޭޝަނަށް” އިޔާން ނުކުންނަމުން ބުނެލިއެވެ. ނަދީމްއާއި މަޖުދާ ބޯޖަހައިލިއެވެ.
އިޔާން ބޭރަށް ނުކުމެލިއިރު، ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިބަރީގައި ސަދަފް އިށީނދެލައިގެން އިނެވެ. ދެއަތުގެ އިނގިލިތައް އަމުނާލައިގެން އިންއިރު، އޭނާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ނުތަނަވަސްކަމެވެ. އިޔާން ގޮސް ސަދަފްގެ ގާތުގައި އިށީނދެލިއެވެ.
“ޑޯންޓް ވޮރީ، ޝީ ވިލް ބީ ފައިން” ކުޑަގޮތަކަށް ހިނިތުންވެލަމުން އިޔާން ވާހަކަ ދެއްކިއެވެ. އިރަމްގެ ހާލަތު ސަދަފްއަށް އިޔާން ކިޔައިދިނެވެ. އެހިނދު ހިސާބަކަށް ކަރުނައިގެ އަސަރު ސަދަފްގެ ދެލޮލުން ފެނިއެވެ. ނަމަވެސް ހިންދިރުވާލަމުން ބޯ ޖަހައިލިއެވެ. ސަދަފްގެ ހިތައް އުނދަގޫވަނީއެވެ. އޮފީހުގެ ބައްދަލުވުން ފަސްކޮށްލުމަށްފަހު، އިރަމް ގެއަށް ލައިދެވުނު ނަމައޭ އޭނާގެ ހިތަށް އެތައް ފަހަރަކު އަރަމުން ދިޔައެވެ. ގައިމުވެސް އޭރުން އިރަމްއަށް އެހާލަތު ދިމާލެއް ނުވީހެވެ. މީގެ ކުރިން އިރަމް ތަހައްމަލު ކުރި ކަންތަކުގެ ހަނދާންވެފަ އަދި ވަކީން އުނދަގޫވިއެވެ. އެ ބިރުވެރި ހާދިސާގައިވެސް އިރަމް އޮތް ހާލަތު އެންމެ ފުރަތަމަ ފެނުނީ އޭނާއަށެވެ.
“ކުރީން އެހެންވީމަ މާ ބޮޑަށް ބިރުގަތީހެން ހީވަނީ.. ޑޮކްޓަރުންވެސް އެހެން ބުނީ” އިޔާން ބުނެލިއެވެ. ސަދަފް ގޮނޑީގައި ލައްވެލިއެވެ.
“އޭރު ހައްޔަރުކުރި މީހުންގެ ތެރެއިން ސަލާމަތްވީ ރަވީހް އެކަނި ދޯ؟” ސަދަފް އަހައިލިއެވެ.
“ގައިމުވެސް ރަވީހުއެއް ނޫން.. އޭނަ މިނިވަން ވީންސުރެން އެބަ ބަލަން އުޅޭ ނޫޅޭގޮތް.. މިރޭ ވެސް އެންމެ ފުރަތަމަ ބެލީ އޭނާ ހުރިތަނެއް… މިވަގުތު ހުރީ ކޮންމެވެސް ރިސޯޓެއްގަ” ރަވީހް ހުރީ ހައިކަލްގެ ރިސޯޓުގައިކަން އެނގި ހުރެމެ، އިޔާން އެކަން ސިއްރުކޮށްލީ ސަދަފްގެ ރުޅިގަނޑު ހިލުވާލަން ބޭނުން ނުވާތީއެވެ. އިރަމްއަށް ވީ ގޮތުން މިހާރުވެސް ސަދަފްގެ މޫނުމަތިން ފެނިގެންދަނީ މޮޅިވެރިކަމެވެ. އެހެންނޫނަސް މިވަގުތައް އެއީ އެހާ މުހިއްމުކަމެއް ކަމަކަށް އޭނާއަކަށް ނުދެކެވުނެވެ. “މިހާރު ސީސީޓީވީ ފޫޓޭޖުތައް ނަގާފަ ހުރީ.. އެކޮޅަށް މިދަނީ.. ހަބަރެއް ވެލާނަން.. ވަދެފަ ދޯ ދާނީ؟” އިޔާން ބުންޏެވެ.
ސަދަފް ބަހެއް ނުބުނެ ހަމައެކަނި ބޯޖަހައިލުމަކުން ފުއްދާލިއެވެ. އިޔާން ލޯމަތިން ގެއްލުނު ސަދަފްއަށް ދޫކޮށްލެވުނީ އުދާސްކަމާއި ނުތަވަސްކަމުން ފުރިފައިވާ އާހެކެވެ. އިރުކޮޅަކު އެތާގައި އިނދެފައި އެތެރެއަށް ވަންނަން ދިޔަ ތެދުވަތް ހިނދު ޔުމާން ވަންނާތީ ފެނެއެވެ.
“ކޮބާ ކިހިނެތް މިހާރު؟” ޔުމާން ހުރީ ނުހަނު ހާސްވެފައެވެ. އިޔާން ދިން ޖަވާބު ދެމުން، ޔުމާންގެ ފަހަތުން އޭނާ ވެސް އެތެރެއަށް ވަނެވެ.
ދެރޯ މެރިފައި އިރަމްއޮތް އިރު އެމޫނުން ފެނުނު ވަރުބަލިކަމުން ސަދަފްގެ މެޔަށް އުނދަގޫވިއެވެ. ޔުމާންއާއި ސަދަފް ފެނުމުން މަޖުދާ އާއި ނަދީމްވެސް ބައްދަލުކުރީ ހިނިތުންވެފައިވާ މޫނުތަކަކާއި އެކުގައެވެ. އިރަމްއާއި ބެހޭގޮތުން ޔުމާން ސުވާލު ކުރުމުން ނަދީމް ޖަވާބުދިނެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔަ އަޑަށް އިރަމް ލަސްލަހުން ލޯ ހުޅުވާލިތަން ފެނުނެވެ. އޭނާގެ ނަޒަރު ސަދަފްގެ މޫނަށް ހުއްޓުމާއި އެކު އެދެލޮލަށް ޖަމާވި ކަރުނަތައް ފެނި ސަދަފް ބޭނުންވީ އެދެއަތުގެ ތެރެއަށް އިރަމް ލާ ފުރިހަމަ ހިމާޔަތްދޭށެވެ.
“މަންމަމެން އެއްޗެއް ކައިފިންތަ؟” އިރަމްއާއި ސަދަފްއަށް އަންނަމުން ދިޔަ ބަދަލުތައް ދެނެގަނެވުމުން ޔުމާން ބަލައިލީ މަޖުދާއާއި ނަދީމްގެ މޫނަށެވެ.
”ނޫނޭ ބައްޕަ އެހާ ބަނޑުހައެއް ނުވޭ.. މަން-”
“ތިކުދިން މިތާ މަޑުކޮށްލާނަން ދޯ؟ މަންމަމެން އެބަ އަންނަން ކެފެޓީރިއާއަށް ގޮސްލާފަ.. އިރޫ އަދި އެއްވެސް އެއްޗެއް ނުކައި އެއޮތީ އެހެންވެ” އިރަމް ހަމަޖެހިލައިގެން އޮތްތަން ފެނުމުން މަޖުދާ ބުންޏެވެ. ހީވާގޮތުން ސަދަފްއާއި އިރަމްގެ މެދުގައި ބަދަލުވަމުންދިޔަ ނަޒަރުތައް އޭނާއަށްވެސް ފާހަގަވީއެވެ. ނަދީމްވެސް ބޯޖަހާލުމަށްފަހު ގޮނޑިން ތެދުވިއެވެ.
“ޝެޑީ އެބައަންނަން އިނގޭ.. ދޮންބެދައްތައަށް ގުޅާލަންވެގެން.. މިތާ ބޭރު ގޮނޑިބަރީގައި މިއިނީ” ޔުމާންވެސް އެމީހުންގެ ފަހަތުން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.
ދޮރު ލެއްޕުނު މަންޒަރު ބަލަން ހުރެފައި ސަދަފް ބަލައިލިއެވެ. އޭރު އިރަމް މަޑުމަޑުން ތެދުވެ އިށީންދެލަނީއެވެ. ސަދަފް ދިޔަ ބާރުމިނުގައި ގޮސް އިރަމްގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ. ގިނައިރެއް ނުވެ އިރަމްގެ ކޮނޑު ތެމެން ފެށީ އޭނާގެ ދެލޮލުން ފައިބަން ފެށި ތާޒާ ކަރުނައިންނެވެ.
“އިރޫ އަމް ސޮރީ.. އަމް ސޯ ސޮރީ” ސަދަފްގެ ކުރެހިފައިވާ އަޑު ކަންފަތުގައި ޖެހުމުން އިރަމްއަށް ވަގުތުން ދެފަރާތައް ބޯހޫރުވާލެވުނެވެ. އޭނާގެ އުނަގަނޑުގައި އަތް އަޅުވާލަމުން އިސްތަށިގަނޑުގައި އިރަމް އަތް ހިންގާލިއެވެ.
“އިޓްސް ނޮޓް ޔޯ ފޯލްޓް” ސަދަފްގެ ފަރާތުން ލިބެމުންދިޔަ އޯގާތެރި އަޅާލުން އިހުސާސްވުމުން އިރަމްއަށް އަސަރާއެކު ރޮވުނެވެ. އިރުކޮޅެއް ކުރީގެ ބިރުވެރި ހާދިސާގެ ސަބަބުން އޭނާގެ ނަފްސަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް، ސަދަފްގެ ގާތްކަމާއެކު މަޑުމަޑުން ފަނޑުވާން ފެށިއެވެ. އެހެންނަމަވެސް، އެ ބިރުވެރިކަމުގެ އިޙްސާސް މުޅިން ފިލައިނުދާތީ، އަދިވެސް ކުއްލި ކުއްލިއަށް އިރަމް ސިއްސައިގެންދާ ގޮތްވެއެވެ.
****
ފަތިސް ނަމާދަށް ގޮވުމުގެ އިރުގަނޑެއް ކުރިން އަމީރާއަށް ހޭލެވުނެވެ. ނިދީގެ އަސަރު ފިލާފައިވާތީ އޮންނާކަށް ބޭނުމެއްނުވިއެވެ. އެންމެ ފުރަތަމަވެސް އޭނާގެ ނަޒަރު ހުއްޓުނީ، މަގަތުގައި އަރާމު ނިންޖަކުން ނިދާލާފައި އޮތް ރީއާއަށެވެ. ލޯތްބާއި އެކު ރީއާގެ ގައިމަތީގައި އޮތް ކުއިލްޓް ރަނގަޅުކޮށްލުމަށްފަހު، އަމީރާ އަވަސްވެގަތީ ތާޒާވެލުމަށްޓަކައި ފާހާނާއަށް ވަނުމަށެވެ. ނުކުތްއިރުވެސް ބަންގި ގޮވަން ސާޅީހަކަށް މިނެޓް އޮތުމުން، އެ ވަގުތުކޮޅުގެ ބޭނުން ހިފުމަށް ގަސްތުކުރީ ބަދިގެއަށް ވަދެލުމަށެވެ. އިރަމްއަށް ދިމާވި ގޮތުން، މިއަދު ޑިއުޓީއަށް ދިއުމުގެ ބަދަލުގައި އަމީރާ ނިންމީ ސަލާމް ބުނެލުމަށެވެ.
ބަދިގެއަށް ވަދެ އޭނާ މަސައްކަތް ފަށަން ބެލިއިރު ބައެއް ސާމާނު ވަނީ ހުސްވެފައެވެ. ގެއާއި މާދުރުނޫން ހިސާބެއްގައި އިންނަ ފިހާރަ އެވަގުތުވެސް ހުޅުވާފަ ހުންނާނެކަން އެނގުމުން އަމީރާ ގަސްތުކުރީ ބޭރަށް ނުކުމެލުމަށެވެ. ރީއާ ކައިރިއަށް ނީޝަން ގެނައުމަށް ދާން ހިނގައިގަތް ހިނދު ނަދީމް ކޮޓަރިން ނުކުމަތެވެ. ތިރިއަށް ދާން އުޅޭ ވާހަކަ ބުނުމުން، ބޭނުންވާ ތަކެތީގެ ލިސްޓެއް ދިނުމަށާއި އޭނާ އެތަކެތި ގެނެސްދީފާނެ ކަމަށް ނަދީމް ބުންޏެވެ. ނަމަވެސް، ނަދީމަށް އުނދަގޫކުރަން ބޭނުންނުވާތީ އަމީރާ ނިންމީ އަމިއްލައަށް ދިއުމަށެވެ.
ގޭޓުން ބޭރަށް ނުކުތް ވަގުތު ހަށިގަނޑުގައި ބީހިލި ފިނި ރޯޅިތަކުން މުޅި މީހާ ހީގަންނަ ގޮތްވިއެވެ. ދެއަތުން ހަށަމް ބަނދެލައިގެން ހުރެ އަމީރާ ކުރިއަށް ހިނގައިގަތެވެ. މަގު ހުރަސްކުރަން ނުޖެހި ދެވެން ހުރި ފިހާރައަކަށް ވުމުން، އެއީ އޭނާއަށް މާ ބޮޑު ތަކުލީފަކަށް ނުވިއެވެ. އެ ގަޑީގައިވެސް މަގުމަތީގައި މީހުން ހޭލަމޭލަވަމުން ދިޔައީ އާދައިގެ ވަގުތުތަކެކޭ އެއްފަދައިންނެވެ. ފިހާރަ ތެރެއަށް ވަތްއިރު، އެތަނުގައިވެސް ފުދޭވަރަކަށް މީހުން އުޅެއެވެ. ހެނދުނު ހެނދުނާ، ހެދިކާއާއި ޕާން އަދި ބަނަސް ފަދަ ސާމާނު ގެންނަ މީހުންވެސް، އެމީހުންގެ ސާމާނުތައް ހިފައިގެން އައިސް އުޅެއެވެ.
އަމީރާ ބޭނުންވާ ތަކެތި ގަނެ، ފައިސާ ދައްކާލުމަށްފަހު ފިހާރައިން ނުކުންނަން އުޅުނު ވަގުތު އޭނާ ދިޔައީ ސީދާ އިޔާންގެ ކުރިމައްޗަށެވެ. އެއްވެސް ވިސްނުމެއް ނެތި އަވަސް އަވަހަށް ނުކުންނަން އުޅުމުގެ ތެރޭގައި އަމީރާގެ ފައި ކަހާލައި، އޭނާ ވެއްޓެން ދިޔައެވެ.
“އާހްހް” ކުޑަ ހަޅޭކެއްގެ އަޑު އަމީރާގެ އަނގައިން ބޭރުވިއިރު ފިހާރަ ދޮރުމަތީގައި ސިނގިރޭޓު ބުއިމަށް ތިބި ދެމީހުންގެ ނަޒަރު ވެސް ހުއްޓޭގޮތްވިއެވެ.
“ކެއަރފުލް!” އަމީރާ ވެއްޓެން ދިޔަ ވަގުތު، އިޔާން ހުށިޔާރުކަމާއެކު އޭނާގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އެހާ ގާތުން އިޔާންގެ ދެލޯ ފެނުމުން، އަމީރާއަށް ވެސް ބޭއިޚްތިޔާރުގައި ބަލަހައްޓައިގެން ހުރެވުނެވެ. އެ ހިމޭން ވަގުތުކޮޅު މެދުކެނޑި، ސިހިފައި ދުރަށް ޖެހިލަން މަޖުބޫރުވީ ފިހާރައަށް ވަންނަން އައި މީހަކު ކަރުކެހިލި އަޑަށެވެ. އެ ދެމީހުންނަށް ތިބެވުނީ ސީދާ ދޮރުމަތީގައި ކަމުން، އެ މީހާއަށް އެތެރެއަށް ނުވަދެވި މަޑުކުރަން ޖެހުނީއެވެ.
އަމީރާ އަވަސްއަވަހަށް އިޔާންގެ އަތްދަށުން ދެމިގަނެ، ދުރުވެލިއެވެ. އަދި މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިކުރުވަމުން، އެއްވެސް ބަހެއް ބުނުމެއް ނެތި ބާރު ފިޔަވަޅުތަކެއްގައި ގެއާ ދިމާލަށް ހިނގައިގަތެވެ.
ގޭތެރެއަށް ވަދެވުނު އިރު ވެސް ހިތްވަނީ އަވަސްވެފައެވެ. އޭނާ ފެނުމާއިއެކު ނަދީމްވެސް އަލުން ކޮޓަރީގެ ތެރެއަށް ވަނެވެ. އެހެންމީހުންނާއި އެކު ހުއްޓާ އިޔާން ކިތަންމެ ވަރަކަށް ވެސް ފެނެއެވެ. އެހެން ނަމަވެސް، ޔަނާލްއައިފަހުން ވަކިން އެފެނުނީ އަލަށެވެ. ހިތުގެ ފުންމިނުގައި ފޮރުވާފައިވާ ރިހުންތައް އަލުން އާވެގެން ދިޔައިރު، ޔަނާލް ދެއްކި ވާހަކަތައް އަމީރާގެ ސިކުނޑީގައި އެނބުރެން ފެށިއެވެ. އެއާއެކު އެއްވެސް އިޚްތިޔާރަކާ ނުލައި އޭނާގެ ދެލޮލުން ކަރުނަ އޮހޮރިގަތެވެ. އަމީރާ ހިންދިރުވާލުމަށްފަހު އަވަސްއަވަހަށް ދެލޯ ފުހެލިއެވެ. ގޭގައި ނަދީމް އުޅޭތީ، ކޮންމެ ވަގުތެއްގައިވެސް އޭނާ ބަދިގެއަށް ވަދެފާނެތީ ހަމަޖެހިލަން މަޖުބޫރުވިއެވެ.
****
މުޅި ރޭ އެއްކޮން އިރަމްގެ ގާތުގައި ހޮސްޕިޓަލުގައި މަޑުކުރުމަށްފަހު ސަދަފްއަށް ގެއަށް އާދެވުނު އިރު ނިދިން ދެލޯ ވަނީ ފުރިފައެވެ. އޭނާ ހުރީ ނުހަނު ބޮޑަށް ނިދާލަން ބޭނުންވެފައެވެ. އަނެއްކޮޅުން ހޭލައިގެން ވެސް އިރަމްގެ ގާތައް ދިއުމަށް ބޭނުންވާތީ، ހޭލަން ބޭނުންވާ ގަޑި އެލާމްކުރިއެވެ. އާފުރެމުން އޭނާ އައީ ފޯނަށް ސަމާލުކަން ދީގެންކަމުން ކުރިއަށް ބެލޭގޮތެއް ނުވިއެވެ. ދޮރާއި ހިސާބުން ކޮންމެވެސް މީހަކާއި މުޑިއެރުމުން އަނގައިން އަޑެއް ލައްވާލެވުނެވެ. އޭނާ ފުރަތަމަ ހީކުރީ އެއީ ވިޝާމް ކަމަށެވެ. ނިތައް ވެގެން ދިޔަ ތަދުން އެއްޗެއް ބުނަންވެގެން ހުޅުވާލި އަނގަ ލައްޕާލީ ކުރިމަތީގައި މަޑުކޮށްލައިގެން ހުރި މާއިން ފެނިފައެވެ.
ސަދަފްގެ ނިތައް ރޫއަރައިގެން ދިޔައެވެ. އޭނާ އަހާފައިވާ ގޮތުން މާއިން ވަނީ ދެތިން މަހު މަޑުކޮށްލުމަށް ރިސޯޓެއްގައެވެ. މާއިން ގެއިން ނުފެންނަތާ ވެސް ހަފްތާއެއް ފާއިތުވެއްޖެއެވެ. އޭނާއާއި ވިޝާމްއަށް އެހާ ހަމަޖެހިލައިގެން ހުރެވުނީ ވެސް ފެންނަ ހިސާބުގައި މާއިން ނެތުމުންނެވެ. އަސަރެއް ނުދައްކާލާ ބަލައިލުމަށްފަހު މާއިން ދިޔަ ނަމަވެސް، ސަދަފްއަށް ގެއަށް ނުވަދެ ދޮރުމަތީގައި ހުރެވުނެވެ. ނުހަނު ރަނގަޅަށް އޭނާ ދިޔަ މަންޒަރު ބަލައިލިއެވެ. ހިތައް އަރައިގެން ދިޔަ އެއްޗަކުން ތެޅިގަނެވުނެވެ.
“އަނެއްކާ މީނަ؟ އިރޫ؟” ނޫނެކެވެ. ދެފަރާތައް ބޯހޫރުވާލަމުން އެތެރެއަށް ވަދެގެން ދިޔައެވެ. އޭނާގެ ހިތައް އެއެރި އެއްޗަކުން ހިތާއި ސިކުނޑީގެ ހަމަޖެހުން މުޅިން ގެއްލިއްޖެއެވެ.
“ދަރިފުޅާ، ކޮބާ އިރޫ ކިހިނެތް؟” ސަދަފް ގެއަށް ވަތް މަންޒަރު ފެނި އާމިލާ އަހާލިއެވެ. އޭރު އޭނާ އިނީ ބޭރަށް ދިއުމަށް ތައްޔާރު ވެގެންނެވެ. ހީވާ ގޮތުން އިރަމްގެ ގާތައް ހޮސްޕިޓަލަށް ދާންވެގެންނެވެ.
“މިހާރު ކުރިއަށް ވުރެން ރަނގަޅު” ސަދަފް ޖަވާބު ދިނެވެ. އާމިލާގެ މޫނުމަތީގައި ހުރި ލާނެތް ހިނިތުންވުން ނަގައިގަނެވުނީ އެވަގުތެވެ. އޭނާ ނިތް އަރުވާލުމުން އާމިލާ ހިނިގަނޑެއް ޖަހައިލިއެވެ.
“ދަރިފުޅާ، މިވީ ގޮތުން ކުރިއަށްވުރެ ބޮޑަށް މަޖޫމެންނާ ގާތްވީ ދޯ؟ ރޭގައި ލިބުނު ޚަބަރަކުން މަންމަ ހާދަ އުފާވެއްޖެއޭ.” އާމިލާގެ މޫނުމަތިން ފެންނަން ހުރި ބަދަލުތައް ސަދަފަށް ފާހަގަވުމުން އޭނާ ކުޑަކޮށް ރަކިވާގޮތްވިއެވެ. އެކަން ފޮރުވާލުމަށްޓަކައި އޭނާ ކަރުކެހިލިއެވެ. އާމިލާއަކަށް ދުރަކު ނީނދެވުނެވެ. އޭނާ އައިސް ސަދަފްގެ ގައިގައި ބައްދާލީ، އިރަމްއާ މެދު އޭނާ ރުހޭ މިންވަރު ހާމަކޮށްދެމުންނެވެ.
“އެއީ ހާދަ މަޑުމައިތިރި، ހިތްހެޔޮ ކުއްޖެއް. އަދި އެހާ ލޯބިކޮން ހުންނާނީ.. އަސްލު މަންމައަށާއި ބައްޕައަށް މިއީ ވަރަށް ބޮޑު ސަޕްރައިޒަކަށް ވެއްޖެ. ބައްޕަވެސް ހުރީ ވަރަށް ހިތްހަމަޖެހިފަ. އިރޫއޭ ބުނީމާ ފުރަތަމަ ވަރަށް ހައިރާންވި. އެހެންނު ވާނީ، އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ އުޅުނު ދެކުދިން ވިއްޔާ!” އާމިލާ ވާހަކަދެއްކިއިރު، އޭނާގެ މޫނުމަތިން އާދަޔާޚިލާފު އުފާވެރިކަމެއް ފެންނަން ހުއްޓެވެ.
“މަންމައަށް ކިހިނެއް އެނގުނީ؟” ލަދުން އިނދެ ސަދަފް އަހާލިއެވެ.
“ދެން ނޭނގޭނެތަ؟ މަޖޫ ރޭގައި ގުޅާފައި ބުނި ޝެޑީ އެތަނުގައި ހުރި ވާހަކަ. ދެން ދޮންބެ ކޮންމެވެސް ވާހަކައެއް ދައްކާފައި މަޖޫމެން ބޭރަށް ނެރެފަ، އަދި ނުވިތާކަށް ދޮންބެދައްތައަށް ގުޅުމުގެ ބަހަނާގައި ޝެޑީ އެތަނުގައި ބަހައްޓާފައި ނުކުތެއްނު؟ އެއީ އިރޫއާއި ޝެޑީއަށް ވާހަކަދައްކާލަން ވަގުތު ދޭން ދޮންބެ ކުރި ކަމެއްނު. ހަހަހަހަ! އެ ހުރިހާ ޚަބަރެއް ވަރަށް ތާޒާކޮށް މަންމައަށް ލިބުނޭ” އާމިލާ ހެމުން ހެމުން ކިޔައިދިނެވެ.
“އިރޫގެ މަންމަ އޯކޭތަ؟ އައި މީން ބައްޕަޔާ؟” މަޖުދާ ގަޔާވާނެކަން އެނގުނު ނަމަވެސް، އެކަމާއި ދޭތެރޭގައި ނަދީމް ދެކޭނެ ގޮތެއް ނޭނގޭތީ އޭނާ އަބަދުވެސް ކަންތައް ބޮޑުވެއެވެ.
“ދެން މަންމަގެ އެންމެ ބަސްއަހާ ދަރިފުޅު ބޭނުން ނުވާނީ ކޮން މަންމައަކާއި ބައްޕައެއްތަ.. އިޔާ އާއި ދެމީހުން ޖެހުނު ކުނިގަނޑު ސޯލްވް ވެފަ އިނަސް މަންމަ ޕާސަނަލީ އެހިން މަޖޫ ކުރެން.. އެއީ މަންމައަށް އެނގޭ ވިއްޔަ މި ޥާހަކަ ފަށާ އިރަށް ތި ސުވާލުކުރާނެ ކަން…އަހަހަހަ.. މަޖޫ ބުނި ނަދީމް ވަރަށް ހިތްހަމަ ޖެހިފަޔޯ ހުރީ.. ވަރަށް ގިނައިރު ޝެޑީއަށް ތައުރީފް ކުރަން އިނޯ” އާމިލާ ކިޔައިދިނެވެ. ސަދަފްއަށް ހީލެވުނީ ލިބުނު ހިތްހަމަ ޖެހުމާއި އެކުގައެވެ. އޭނާ އެއްޗެއް ބުނަން އުޅެނިކޮން ގޭތެރެއަށް ވަދެގެން އައި މާއިން ފެނި އަނެއްކާ ވެސް ބަލައިލެވިއްޖެއެވެ. މާއިން މަޑުނުކޮށްލާ ސިޑީން މައްޗަށް އަރައިގެން ދިޔައެވެ.
“މަންމާ، މާއިންއައީ ކޮން އިރަކު؟” ސަދަފް އަހައިލިއެވެ. އޭރު އޭނާގެ މޫނަށް ސީރިއަސް ކުލަވަރު ވެރިވެއްޖެއެވެ.
“ފަތިހު ގެއަށް އައީ… އެއައި ގޮތައް ބޭރުގަ އުޅެފަ، ދެންމެ ގެއަށް އެވަނީ” އާމިލާ ބުނެލިއެވެ. މާއިން ފަތިހު އައިކަމަށް ވަންޏާ އޭނާއާއި މެދު ޝައްކެއް ކުރެވޭކަށް އަދި ނެތެވެ. ސަދަފް ބޯޖަހައިލި އިރު ދޫކޮށްލެވުނީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ.
****
“ސާރ.. ކޮންމެވެސް އެއްޗެއް ބުނެބަލަ” ސައިމަން ވާހަކަދެއްކީ އިޔާންއާއެވެ. އިޔާން އިނީ ގޮނޑީގެ ލެނގޭބައިގައި ލެނގިލައިގެން، ލޯ މަރާލައިގެންނެވެ. އޭނާ އިނީ އެއް އަތް ނިތްކުރީގައި ބާއްވާލައިގެން، ފުން ވިސްނުމެއްގެ ތެރޭގައެވެ.
އިއްޔެއާއި ރޭގެ ނިދިން މަހްރޫމްވެފައި ވުމުގެ ސަބަބުން، އޭނާގެ ބޮލުގައި ވަނީ ރިހުމެއް އުފެދިފައެވެ. އަނެއްކޮޅުން އަމީރާއާ ބައްދަލުވުމުން އިޔާންގެ ހިތަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ. ހެނދުނު ފެނުނު ހިނދު،އަމީރާގެ މޫނުމަތިން ފެނުނު ނުރުހުމާއި ރުޅިވެރިކަމުން އިޔާންގެ މޭގެ ތެރޭގައި ދިލަ ރިހުމެއް އުފެދުނެވެ. އެ ރީތި މޫނު ފެނުމުން އިޔާންގެ ހުރިހާ ހާސްކަމެއް ފިލައިގެން ދިޔަ ކަހަލަ އިހުސާސެއް ކުރެވުނު ނަމަވެސް، އަމީރާ ދަމުން ދައްކާލި ރުޅިވެރިކަމުގެ ސަބަބުން، އޭނާގެ ފަހަތުން ދާން ކުރިއަށް އެޅި ފިޔަވަޅުވެސް މަޑުޖައްސާލަން މަޖުބޫރުވީއެވެ.
އެހެން އޮވެފައި ކުރިމަތީގައި ހުރި ކޮމްޕިއުޓަރުގެ ސްކްރީނަށް އިޔާން ބަލައިލިއެވެ. އެއިން ފެންނަމުންދިޔައީ ސީސީޓީވީ ކެމެރާތަކުން ނަގާފައިވާ މަންޒަރުތަކެވެ. ރޭގައި އިރަމްގެ ފަހަތުން އައި ޒުވާނާ ކެމެރާއަށް ވަރަށް ސާފުކޮށް އަރާފައި ހުއްޓެވެ. ނަމަވެސް، އޭނާ އަޅާފައިވާ މާސްކާއި ތޮފީގެ ސަބަބުން މޫނު ވަނީ މުޅިން ފޮރުވިފައެވެ. އެހެންކަމުން އެއީ ކާކުކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް އަދި ނުވެއެވެ. މުޅި ރޭ އިޔާން ހޭދަކުރީ އެ މަންޒަރުތައް ތަކުރާރުކޮށް ބެލުމުގައެވެ. އެމީހަކު ފިހާރައިގެ ދޮރުމަތީގައި މަޑުކޮށްލުމަށްފަހު، އެތަނުން މީހުން ނުކުތުމުގެ ކުރިން ޖެހިގެން އޮތް ހަނި ގޯޅިއަކަށް ވަދެ ފޮރުވުނެވެ. އެ ގޯޅީގެ އެއްވެސް ހިސާބެއްގައި ކެމެރާއެއް ހަރުކުރެވިފައެއް ނެތެވެ.
“މި ކޭސްގަ މިހާރު ދިމާވެގެން މިއުޅޭ އެންމެ ބޮޑު ހުރަހަކީ، އެ މަގުގެ އެއްވެސް ހިސާބެއްގައި ސީސީޓީވީ ކެމެރާއެއް ހަރުކުރެވިފައި ނެތުން. އޭގެ އިތުރުން އެ މަގުގައި ހަދަން ފަށާފައިވާ އިމާރާތްތައް ގިނަވުމުން، މީހަކަށް ފޮރުވިގެން އުޅެން ވަރަށް ފަސޭހަވާނެ. ސަރަހައްދުގައި ހުރި ދެ ފިހާރައިގެ ބޭރަށް ހުރި ކެމެރާތައް ބެލިއިރުވެސް، އޭނާގެ އެއްވެސް މަންޒަރެއް ފެންނާކަށް ނެތް. ދެން އެ މަގާ ގުޅިފަ އޮތީ އަތިރިމައްޗަށް ނުކުމެވެން އޮންނަ މަގު. އެ އޭރިއާގަ ވަރަށް ގިނަ ކެމެރާތައް ހުރިއިރު، ހުރިހާ ފޫޓޭޖެއް ބަލައިފިން. އެއްވެސް ބްލައިންޑް ސްޕޮޓެއް ނެތް ނަމަވެސް، އޭނާގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް” ސައިމަން ތަފްސީލުކޮށްދިނެވެ.
“އިރަމްއާއި ވާހަކަ ދެއްކޭތޯ ދާންވީ… ދެން އެ ނޫން ގޮތެއް ނެތް..” އިޔާން އެންމެ ފަހުން ގޮނޑިން ތެދުވަމުން ބުންޏެވެ. އޭނާ މޭޒުމަތީގައި ހުރި ކޮފީތަށިން އެތިފޮދެއް ބޯލުމަށްފަހު ބޭރަށް ނުކުތެވެ. ސައިމަންވެސް އޭނާގެ ނޯޓުފޮތް ހިފައިގެން އިޔާންގެ ފަހަތުން ހިނގައިގަތެވެ.
އެމީހުންނަށް ދެވުނުއިރު އިރަމް އިނީ ހޭލައެވެ. މަޖުދާ އިރަމްގެ ގާތުގައި އިންއިރު، އޭނާގެ މޫނުމަތިން މިހާރު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ފެންނަން ހުއްޓެވެ. އިޔާން އައިސް އިރަމްގެ ގާތުގައި އިށީނުމަށްފަހު، ސައިމަންއަށް އިށީނުމަށްޓަކައި ގޮނޑިއެއް ދެއްކިއެވެ.
“ކިހިނެއް މިހާރު؟ ތަނަކަށް ތަދުވޭތަ؟” އިރަމްގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމާލަމުން އިޔާން އަހާލިއެވެ. އިރަމް ކުޑަ ހިނިތުންވުމަކާއެކު އޭނާ ރަނގަޅުކަމަށް ބުނެ ދެފަރާތަށް ބޯހޫރުވާލިއެވެ.
“ޝެޑީ ދިޔައީތަ؟” އިޔާން އަހައިލިއެވެ.
“ޝެޑީއާއި ދޮންބެ ރޭގައި އެއްކޮށް މިތާ ތިބެފައި ދެންމެ އެ ދިޔައީ. ބައްޕަވެސް ފަތިހު އައިސް، މިހާރު އެ ދިޔައީ ބޭހެއް ބަލައި ތިރިއަށް. ރޭގައި ކުއްލިއަކަށް ހުންގަނޑު ގަދަވެ، މާ ބޮޑުވަރުވީމާ އިންޖެކްޝަން ޖަހައިގެން ހުން މައިތިރިކުރަން ޖެހުނީ” މަޖުދާ ކިޔައިދިނެވެ. އިޔާން ބޯޖަހާލުމަށްފަހު އިރަމްގެ ނިތްކުރީގައި އަތްޖައްސާލިއެވެ. އޭރުވެސް އޭނާގެ ހަށިގަނޑުގައި މަޑު ހުމެއް ހުއްޓެވެ.
“އިރޫއަށް ވާހަކަދެއްކޭނެތަ؟ އެއްވެސް މައުލޫމާތެއް ނުލިބޭހާ ހިނދަކު ދޮންބެމެންނަށް މި މައްސަލައިގަ ކުރިއަށްދާކަށް ނޭނގޭނެ. ދޮންބެ ބޭނުމީ ވީހާވެސް އަވަހަކަށް އެމީހަކު ހޯދަން” އިޔާން ވިސްނުންތެރިކަމާއެކު ބުންޏެވެ. އެ ވާހަކަ ދައްކަން ޖެހުމުން އިރަމްގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ދިޔަ ނަމަވެސް، މަޑުމަޑުން ބޯޖަހާލިއެވެ.
ނުހަނު އުނދަގޫވެފައި އިނދެ، އިރަމް ރޭގެ ހާދިސާ ކިޔައިދޭން ފެށިއެވެ. ފުރަތަމަ ބަހުގެ ތެރެއިން އެމީހާ ފެނުމުން އަޅާނުލައި އިނުމަށް މަސައްކަތް ކުރި ނަމަވެސް، އޭނާ މާ ބޮޑަށް ބަލަން ފެށުމުން ބިރުގަތް ކަމަށް އިރަމް ބުންޏެވެ. އަދި ބަސްހުއްޓިއަށް މަޑުކުރުމުން ބަހުން ފޭބި ފަހުން، އެމީހާ އޭނާގެ ފަހަތުން ފާރަލަމުން އައި ގޮތް ތަފްސީލުކޮށްދިނެވެ.
“އެގަޑީގަ ފަސް އެނބުރި ބަލާލީން.. ހަމަހީވީ ކޮންމެވެސް ތާކުން ފެންނަ މީހެކޭ.. މިބުނީ އެދެލޮލުން ދަންނަ ފާޑު ޖެހި.. ދެން އޭނަ އިރޫއަށް ގޮވާލި ގަޑީގަ އެއަޑުޖެހުނީމަ ވެސް އައި ފެލްޓު ސޭމް ހަމަ.. މިބުނީ މީގެކުރީން އެ އަޑު ވެސް ކޮންމެވެސް ތާކުން އިރޫއަށް ހުރީ އިވިފަހެން ހީވީ.. ” އިރަމް ބުންޏެވެ. އެއާއި އެކު މަޖުދާއާއި އިޔާންގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. އިރަމް ވާހަކަދައްކަމުން ދިޔައިރު، ސައިމަން ދިޔައީ އޭނާގެ އަތުގައި އޮތް ‘ވޮއިސް ރެކޯޑަރ’ ބޭނުންކޮށްގެން އެ ހުރިހާ ވާހަކައެއް ރެކޯޑުކުރަމުންނެވެ. އަދި މުހިއްމު ނުކުތާތައް އޭނާގެ ނޯޓުފޮތުގައި ނޯޓުކުރަމުން ދިޔައެވެ. ބޭނުންވާ މައުލޫމާތުތައް ލިޔެ ނިންމުމަށްފަހު، ސައިމަން ފޮތްމަތީގައި ގަލަން ބާއްވާލަމުން އިރަމްއަށް ބަލައިލިއެވެ.
“މްމްމް، އިރަމްއާ އެއްވެސް ގޮތަކުން ޖައްސާލައިގެން އުޅޭ މީހަކު ހުރޭތަ؟ ނޫނީ މީގެ ކުރިން އެއްވެސް މީހަކާ ހަމަނުޖެހުމެއް ހިނގާފައިވޭތަ؟” ސައިމަން ސުވާލުކުރިއެވެ. އިރަމް ވަގުތުން “ނޫނެކޭ” ބުނުމުގެ ގޮތުން ބޯހޫރުވާލިއެވެ.
“ނޫން، އިރޫގެ އެއްވެސް ދުޝްމަނަކު ނުހުންނާނެ. ހާއްސަކޮށް، އިރަމްއަކީ ފިރިހެން ކުދިންނާ އެހާ ވާހަކަދައްކާ އުޅޭ ކުއްޖެއްވެސް ނޫން” އިރަމްގެ ބަދަލުގައި ޖަވާބު ދިނީ މަޖުދާއެވެ. މަޖުދާގެ އެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން އިރަމްވެސް ބޯޖަހާލުމުން، ސައިމަން “އެންމެ ރަނގަޅޭ” ބުނެލިއެވެ.
“މީގެ ކުރިން ހިނގި ކަންތައްތަކުގައި އުޅުނު މީހުން މިހާރު އިރަމްއަށް އެނގޭނެތާ! އޭގެ ތެރެއިން އެކަކު މިހާރު ހުރީ މިނިވަންވެފައި. އެމީހާގެ ސިފައާ ރޭގައި ފެނުނު މީހާގެ ސިފައާ އެއްވެސް ވައްތަރު ގޮތެއް ހުރިތަ؟ ލައިގެން ހުރި ހެދުމުން އެކަން ދެނެގަންނަން އުނދަގޫވިޔަސް، އެ ދެލޮލުން އެއްވެސް ކަމެއް ފާހަގަވޭތަ؟” ރަވީހް މާލޭގައި ނެތް ކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް، ސައިމަން އެ ސުވާލު ތަކުރާރުކުރިއެވެ. އަދި އިޔާންގެ ހުއްދައާއެކު، ސައިމަންގެ ފޯނުން ރަވީހްގެ ފޮޓޯއެއް ހޯދައި އިރަމްއަށް ދައްކާލިއެވެ. އޭނާ ފޮޓޯ ‘ޒޫމް’ ކޮށްލުމަށްފަހު، ހަމައެކަނި ރަވީހްގެ ދެލޯ އިރަމްއަށް ދައްކާލިއެވެ. އިރަމް އިރުކޮޅެއް ވަންދެން ވަރަށް ފަރުވާތެރިކަމާއެކު އެ ފޮޓޯއަށް ބަލަން އިނެވެ.
“ނޫން.. މިއީ އޭނައެއް ނޫން.. މިއަށް ވުރެން އޭނާގެ ދެލޯ ތަފާތު.. އޭނަ އަޅައިގެން ހުރި ބޯލް ކެޕް އިން ކަންފަތާއި ހަމައަށް އޮތް އިސްތަށިގަނޑު ފެނޭ.. ރަވީހްގެ އިސްތަށިގަނޑު އޮންނަނީ ވެސް ދިގުކޮން.. ދެލޯ ތަފާތު.. ހަމަ ގައިމުވެސް މިއީ އޭނައެއް ނޫން” އިރަމް ބުނެލީ ޔަގީން ކަމާއި އެކުއެވެ. ރަވީހްގެ ސޫރަ ފެނުމުން އިރަމްގެ ތަބީއަތު އަނެއްކާވެސް ގޯސްވާން އުޅުނެވެ. ނަމަވެސް އިޔާންއާއި މަޖުދާ ހިފަހައްޓާލައިގެން ތިބުމުން ސައިމަން ކުރަމުން ދިޔަ ސުވާލުތަކައް ޖަވާބު ދިނެވެ. އިޔާން ވެސް ދިޔައީ ސުވާލު ކުރަމުންނެވެ.
“ޔަގީންތަ ސުވާލުތަކައް ޖަވާބު ދެވޭނެކަން؟” އިރަމްއަށް ވެފައި ހުރި ގޮތުން އިޔާން ދެރަވެފައި ހުރެ އެހިއެވެ. ހިތްވަރުކޮށްލަމުން އިރަމް ބޯޖަހައިލިއެވެ.
“އެފިހާރައިގަ އެވަގުތު ތިބި ދެ ފިރިހެންކުދީންނާއި އަންހެންކުއްޖާގެ ބަޔާން ނަގާފަ ވަނީ މިހާރު.. އެކުދިންނަށް ވެސް މީހަކު ފިހާރަ ދޮރުމައްޗަށް ހުއްޓިފަ ދިޔަތަން ފެނުނު ކަމަށް ވަނީ.. އެކަމަކު އޭނާގެ ސިފައެއް ވަކިވާ ވަރެއް ނުވި” ސައިމަން އިތުރުކޮށްލިއެވެ.
“ދަރިފުޅާ، ކޮން އިރަކުންތަ ކުޑަ ނަމަވެސް ބްރޭކެއް ނަގާލާނީ؟ ދަރިފުޅު ވަރަށް ވަރުބަލިވެފައި ހުރިހެން ހީވޭ،” އިޔާންގެ ފަހަތުން ދޮރާ ދިމާލަށް ހިނގައިގަންނަމުން މަޖުދާ ކަންބޮޑުވެފައި ހުރެމެ އަހާލިއެވެ. އިޔާންގެ ތުންފަތަށް ވެރިވި ހިނިތުންވުމެއް ވެރިވިއެވެ.
“މިއަށްވުރެ މުހިއްމު އެއްވެސް ކަމެއް މިވަގުތަކު ނެތް” އިޔާން ބުންޏެވެ.
“އެކަމަކު ކުޑަކޮށް އަރާމު-” މަޖުދާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް އިޔާން ހުއްޓުވިއެވެ. އަދި މަޖުދާގެ ހިތްހަމަ ޖައްސާލަދޭން ބަހެއް ބުނެލާފައި އޭނާ ދިޔައެވެ.
****
ދެދުވަސް ވެގެން ދިޔައިރު އިރަމްގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވިއެވެ. ނަމަވެސް އަދިވެސް ނުނިދިގެން ބިރުން އުޅޭތީވެ ޑޮކްޓަރުން ލަފާދިނީ ހޮސްޕިޓަލުގައި މަޑުކުރުމަށެވެ. އެކަމަކު އިރަމް ގެއަށް ދިއުމަށް ބޭނުންވެގެން އެތައް އާދޭހެއް ކޮށްގެން، ހުއްދަ ނުދޭން އުޅެފައިވެސް ޑޮކްޓަރުން އެންމެފަހު އެއްބަސްވިއެވެ.
ގެއަށް ދޫކޮށްލުމުން އާދެވޭ ވަރުވީ އިރުއޮއްސެން ގާތްވެފައި ވަނިކޮންނެވެ. އިޔާންގެ ކާރުގައި އެމީހުން އައިސް ފޭބިއިރު ގޭޓު ކައިރީގައި އަމީރާއާއި ނީޝަން މަޑުކޮށްލައިގެން ތިއްބެވެ. އަމީރާގެ އުރުގައި ރީއާ އިން އިރު އިރަމް ފެނިގެން ހިނިއައިސް އިނދެ ގޮވާލިއެވެ.
“މިސް ޔޫ ބޭބީ، ކުޑޫގެ އޭންޖެލް” ރީއާ އުރާލަމުން ކޯތާފަތުގައި ބޮސްދިނެވެ. އެއާއި އެކު ރީއާ ޖަހައިލީ ލޯބިވެތި ހިނިގަނޑެކެވެ.
“ހައުޒް ޔޫ ދޫނީ” އިރަމްގެ ގައިގައި ބައްދާލަމުން އަމީރާ އޯގާތެރިކަމާއެކު އަހާލިއެވެ. އިރަމް ހޮސްޕިޓަލުގައި އޮތް ދުވަސްތަކުގައި، ރީއާގެ ކައިރީ ގޭގައި މަޑުކުރަން ޖެހުމުން އަމީރާއަށް އެތަނަށް ދެވޭގޮތެއް ނުވިއެވެ. އެހެންނަމަވެސް، ފޯނުން ގުޅައިގެން އޭނާ ދިޔައީ ބަރާބަރަށް ހާލު ބަލަމުންނެވެ. ބައްދަލުވި ފުރަތަމަ ވަގުތުވެސް، ހޮސްޕިޓަލަށް ނުދެވުނީތީ އަމީރާ މާފަށް އެދުނެވެ.
“އިޓްސް ފައިން އޭ ބެސްޓީ، ރީއްކޮ ގާތުގައި ހުންނަން ޖެހުނީމާ ދެން ކިހިނެއް ދާނީވެސް ދޯ…އެއީ ހަމަ ހޮސްޕިޓަލް ފެންނަ ހިސާބަށް ދާންވެސް ބޭނުންވާ ކުއްޖެއް ނޫން. އެހެންނޫނަސް އެމީއަށް ނުދެވުނީ ދޮންބެ ހުއްޓޭ ގޮސްފަ، ޖަސްޓް ލައިކް ދޮންތަ އަށް ނުދެވުނީމަ ދޮންތަބެ ފޮނުވި ގޮތައް” އިރަމް ހީލީ ލާނެތް ގޮތަކަށެވެ. އެބުނި އެއްޗެއް ފަހުމް ވެގެން އަމީރާގެ ގާތަށް ކުޑަކޮން ހިނިއަންނަ ގޮތްވިއެވެ.
”ދެން ބުނަބަލަ މިހާރު އޯކޭތަ އިރޫ؟”
“ޔެސް ޔެސް ލަވް، މިހާރު އަނެއްހެން އޯކޭ.. އެކަމަކު އެކަނިވާއިރަށް ބިރުގަންނަނީ.. ހޮސްޕިޓަލްގަ ފެންވެރީ ވެސް މަންމަ ވައްދައިގެން.. ދެން ނިދަން އުނދަގޫވަނީ” އިރަމް ބުނެލިއެވެ.
“އަދި ރަނގަޅުވާނެ، އިންޝާﷲ.. ” އަމީރާ ބުނެލީ އިރަމްއަށް ހިތްވަރުދޭ ފަދައަކުންނެވެ.
“ހިނގާބަލަ ޓެރެސްއަށް، ކުޑަކޮށް ތާޒާ ވައިކޮޅެއް ބޭނުން،” އަމީރާގެ ވާހަކައަށް އެއްބަސްވަމުން އިރަމް އެދުނެވެ. ނަދީމް އުރާލަން އުޅުމުން، ރީއާ ނުހަނު ފަސޭހައިން އޭނާގެ ކައިރިއަށް ދިޔުމުން، ދެ އަންހެންކުދިން މައްޗަށް ދިއުމަށް ހިނގައިގަތެވެ.
ދެ އަންހެން ކުދީން މައްޗަށް އެރީ ކޮފީވެސް ހިފައިގެންނެވެ. ކުދި ކުދި ކަޅު ވިލާކޮޅުތަކުގެ ދޭތެރެތަކުން އިރުގެ އެންމެފަހުގެ ދޯދިތައް ދިއްކޮށްލާފައި ހުއްޓެވެ. ދުނިޔެމަތި ފުދޭވަރަކަށް އަނދިރިވެފައި އޮތް ނަމަވެސް، ޓެރެހުގެ އެކި ހިސާބުތަކުގައި ދިއްލާފައިވާ އޮރެންޖު ބޮކިތަކުގެ އަލިން މުޅި މާހައުލަށް ގެނެސްދީފައިވަނީ ހުވަފެނީ ރީތި އަލިކަމެކެވެ.
“ކުދިން ކުދިން ކަންކަން ނިންމާލާއިރު އަންގާވެސް ނުލާ.. ނަމަކަށް ބެސްޓީސް” އަމީރާ ލާނެތްގޮތަކަށް ބުނެލިއެވެ. އޭނާގެ ކޮފީ މަގުން ފޮދުވަރެއް ބޯލިއިރު، ހިނިތުންވުން ވަނީ މޫނުމަތީގައި ބިންވަޅު ނެގިފައެވެ.
“ހަބަރު ލިބުނީތަ؟” އަމީރާ އެބުނީ ސަދަފްގެ ވާހަކަކަން އެނގުމުން އިރަމް ޖަހައިލީ ހިނިގަނޑެކެވެ.
“ހަބަރު ލިބުނީހޭ؟ މަށަށް ސިއްރުން ދޯ ތިއުޅުނީ އެހެން ވީމަ؟” އަމީރާ ދެލޯ ހަނިކޮށްލުމުން އިރަމް ވަގުތުން ނޫނެކޭ ބުނެލިއެވެ.
“އަސްލު އޭނާ ކޮންފެސް ކުރީމަ ބުނަން މަޑުކުރީ، އެކަމަކު މިހާރު ދެން އޭނަ ހޮސްޕިޓަލުގަ މަޑުކުރި ހިސާބުން އެންމެންނަށް ވެސް އެނގިއްޖެ” އިރަމް ހީލިއެވެ. ލަދުން އިނދެ އިރަމް ކިޔައިދިނީ، ސަދަފްއާއެކު އޭނާގެ ކޮޓަރީގައި ހޭދަވި ވަގުތުކޮޅުގެ ވާހަކައާއި، އޭގެ ފަހުން ބައްދަލުވި ރޭގެ ވާހަކަތަކެވެ. އޭރު އޭނާގެ މޫނުވަނީ ޖަންބުކުލައިން ފެވިފައެވެ. ވާހަކަ ނިންމާލާފައި ބަލައިލިއިރު އަމީރާ އިންގޮތުން ހިނިއަންނަ ގޮތްވިއެވެ. ދެލޯ ބޮޑުވެ އަނގަހުޅުވިފައި އިން އިރު އަމީރާ އިނީ ރަނގަޅަށް ވެސް ސިހިފައެވެ.
“ވަޓް؟ ހީ ކިސްޑް ޔޫ؟ރިއަލީ؟” އަމީރާއަށް އަނގަމަތީގައި އަތް އެޅުނެވެ. އިރަމް ލަދުރަކި ގޮތަކަށް ހީލަމުން އާއެކޭ ބުނެ ބޯޖަހައިލިއެވެ.
“އެކަމަކު އެއޮތް ބަސްއަހާ ޝެޑީ ހަމަ އެހާ ޑެވިލިޝްތަ؟ ލައިކް ކޮންފެސް ނުކޮށް ސީދާ ކިސް އާއި ހަމާލަށް… ވޯހްހް..” އަމީރާ ބުނެލިއެވެ. އޭނާގެ ހުޅުވިފައިވާ އަނގަ އިރަމް ލައްޕާލަދެމުން ހޭންފެށިއެވެ.
“ދެން އެމީ އޯ؟ ޝެޑީއަށްވުރެ މާ ބޮޑަށް ބަސްއަހާ ކަމަށް ހެދިގެން އުޅޭ މީހެއް ދޮންބެ މިއީ…އަޅެ ޓެލް މީ، ޔޫ ގާއިޒް ހެވެންޓް ހޭޑް އަ ކިސް؟ އަމް އިންޓްރެސްޓެޑް” އިރަމް ބުމައަރުވާލަމުން ނުހަނު ގަޔާވެފައި އިނދެ އެހިއެވެ. އެހިނދު އަމީރާގެ މޫނު ރަތް ވެގެން ދިޔައެވެ.
“އަހަރެމެން ބަހައްޓާ” އަމީރާ ދިން ޖަވާބަކީ އެއީއެވެ.
“އުހޫން ޓެލް މީ… ކިހާ ހިސާބަކަށް ދެމީހުން ދިޔައީ؟” އިރަމް އިނީ ދޫދޭ ގޮތަކަށް ނޫނެވެ.
“އެއީ އިރޫގެ ދޮންބެއޭ، ހައު ކުޑް އައި-”
“ދެން އައި ނޯ އިނގޭ ދޮންބެ ވަކި މަޑުންނެއް ނުހުންނާނެކަން.. އެހާ ލޯބި ގާލްއެއް އަނެއްކާ ލިބުނީ ވެސް-.. ވެއިޓް އަ ސެކް” ވާހަކަ ދައްކަ ދައްކާ ހުއްޓާ އިރަމްގެ ފޯނަށް ވައިބާރ މެސެޖެއް އައި އަޑުއަހާފައި ބަލައިލިއެވެ. ނުވެސް ދަންނަ ނަމްބަރެކެވެ. ނިތައް ރޫ އަރުވާލައިގެން ހުރެ އިރަމް މެސެޖް ހުޅުވާލިއެވެ. އެހިނދު ދެލޯ ބޮޑުވެ، މުޅި ކުއްޖާ ހުއްޓުން އަރައިގެން ދިޔައެވެ. ފޮނުވާފަ އިނީ ފޮޓޯއެކެވެ. އެއަށް ދިން އެންމެ ނަޒަރަކުން ވެސް ހިންދިރުވާލަން އުނދަގޫވިއެވެ. އިރަމްގެ މުޅިމޫނު ވަނީ ހުދުވެފައެވެ. އިއްތަނުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.
“އެނީތިންގް ރޯންގް؟” އިރަމްއަށް ވެގެން ދިޔަ ގޮތުން އަމީރާއަށް އެހުނެވެ. އިރަމްއާއި އެކު އަމީރާއަށް ވެސް ތެދުވެވުނެވެ. އޭނާ އެހާ ބޮޑަށް ސިހުނީ ފޯނުން ކޯއްޗެއް ފެނިގެންތޯ ބަލާލުމަށްޓަކައި އެފޯނާއި ދިމާލަށް އަމީރާ ގުދުވަތެވެ. ނަމަވެސް ތެޅިގަނެފައި އިރަމް ފޯނު ދުރުކޮށްލިއެވެ. އެއަމަލުން އަމީރާ ވެސް ސިހުނެވެ.
“ހެހެހެހެ، އިޓްސް އޯކޭ، އިޓްސް ފައިން..ކޮމްޕްލީޓްލީ ފައިން.. ކްލާސްމޭޓެއް ޕް..ޕުރެގް ވާހަކަ ބުނީމަ ޝޮކް..ވި.ވީ” އިރަމްގެ މޫނުމައްޗަށް ގަދަކަމުން ވެރިކޮށްލި ހިނިތުންވުމާއި އެކު ބުނެލިއެވެ. “އޫޕްޕްސް ނައު ޝީ އިޒް ކޯލިންގް މީ” އޭނާގެ ދެލޮލަށް ބޮނޑިވި ކަރުނަތަކާއި އެކު އިތުރަށް ހިނިތުންވުން ފުޅާކޮށްލަމުން ދޮރުން ނުކުންނަން ދިޔައެވެ.
“ޔަގީން، އިރޫ އެބަ ކަމެއް ފޮރުވާ.. ކޮންމެވެސް ކަމެއް ވެއްޖެ” އިރަމް ދިޔަ ގޮތުން އަމީޜާއަށް އެކަމާއި ވިސްނެން ފެށިއެވެ. އިރަމްއަށް ދިމާވި ހާދިސާގެ ސަބަބުން، އަމީރާގެ ހިތް ނުހަނު ބޮޑަށް ނުތަވަސް ކޮށްލިއެވެ. ނަމަވެސް އޭނާގެ ގާތު އަހައިގެން އޮޅުން ނުފިލާނެ ކަން އެގުމުން އަމީރާ ގަސްތުކުރީ އެހެން ގޮތަކަށް އޭނާއަށް އައި ބަދަލު ދެނެގަނެވޭނެ ގޮތެއް ވޭތޯއެވެ.
***
ޒަންޔާއާއި ވިޝާމްގެ އިތުރުން ނާޔާ މަޑުކޮށްލައިގެން ތިބީ، ޔުމާންއާއި ސަދަފް އަންނާނެ ވަގުތަކަށެވެ. ވިޝާމްގެ ކޮޓަރި ތެރޭގައި ތިބި އެ އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ، އެމީހުންގެ މެދުގައި އޮތް ޑީއެންއޭ ޓެސްޓުގެ ރިޕޯޓަށެވެ. އެ ރިޕޯޓު ލިބުމަށް، އުއްމީދުކުރި ވަރަށްވުރެ ގިނަ ވަގުތު ހޭދަވިއެވެ. ސައުވީސް ގަޑިއިރުގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށް ބަލައި ނާޔާ އެކަން ހަވާލުކުރި ނަމަވެސް، ހޮސްޕިޓަލުން ގުޅީ ދެ ދުވަސް ފަހުންނެވެ. ހޮސްޕިޓަލުން ބުނި ގޮތުގައި އެއީ ރިޕޯޓު ތައްޔާރުކުރެވުނު އެންމެ އަވަސް ވަގުތެވެ.
“ދޮންބެމެން ކީއްވެތަ އެހާ ލަސްވަނީ؟” ވިޝާމްގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތީގައި އޮތް ސިޓީއުރައަށެވެ. ކެތްތެރިކަން ކުޑަވެފައި ހުރެ އޭނާ އެ ސުވާލު ދެތިން ފަހަރަކު ތަކުރާރުކޮށްފިއެވެ.
“ޕިސް ޕިސް، ސާބަހޭ ވިޝާމޫ! އެމީހުން އެދިޔައީ އޮފީހަށޭ. ބޭފުޅާ ބޭނުންވީމާ ގޭގައި ހުރެވުނަސް، އެމީހުންނަކަށް އަބަދު ގޭގައި ނުތިބެވޭނެއެއްނު. މި ޖަވާބު ދީދީ އަހަރެންގެ އަނގައިގައި ހިތިރަހަ ލައިފި” ޒަންޔާއަށް އަޑުލައިގަނެވުނެވެ.
“ދެން އެކަމަކު ދިޔަގޮތައް އަންނަން ވެއްޖެއެއްނު” ވިޝާމް ތުންފިއްތާލިއެވެ. ޒަންޔާ ދެފަރާތައް ބޯހޫރުވާލަމުން ހަމަޖެހުމަށް ބުނެ ސަދަފްއަށް ގުޅާލިއެވެ. އޭރު ޒަންޔާއާއި ވިޝާމްގެ ކޯޅުން ފެނި ނާޔާ ގާތައް ހިނިއަންނަގޮތް ވެފައި އިނެވެ.
“ގެއަށް ވަންނަނީއޯ މިހާރު.. ދެންވެސް ކުޑަ ކުއްޖެއްހެން ކުސްނުތަޅާ މަޑުން އިށީނދެބަލަ” ފޯނު ކަންފަތުން ދުރުކޮށްލަމުން ޒަންޔާ ބުނެލިއެވެ. މިފަހަރު ޒަންޔާ ދިން ޖަވާބުން ވިޝާމްގެ ގާތަށްވެސް ހިނިއަންނަ ގޮތްވިއެވެ. އެހެން ތިއްބާ ސަދަފްއާއި ޔުމާން އައިސް ކޮޓަރިއަށް ވަނެވެ.
”ފައިނަލީ” އިތުރަށް މަޑުނުކޮށް ވިޝާމް ސިޓީއުރާ ނަގައި ހުޅުވާލިއެވެ. އޭނާގެ އަތް ތުރުތުރުލަމުން ދިޔައިރު، ކޮޓަރީގެ ތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. އެންމެންގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ އަތުގައި އޮތް ކަރުދާސްގަނޑަށެވެ. އެންމެ ކުރިން ފެންނަން އޮތް ސަފްހާގައި ބޮޑު އަކުރުން ‘ޑީއެންއޭ ޓެސްޓް ރިޒަލްޓް’ އޭ ލިޔެފައި އޮތެވެ. ވިޝާމްގެ ނަޒަރު ކަރުދާހުގެ ތިރިއަށް ދަތުރު ކުރިވަރަކަށް ދެލޯ ބޮޑުވަމުން ދިޔައެވެ. އެންމެ ތިރީގައި އޮތް ނަތީޖާ ފެނުމާއެކު، އޭނާގެ އަތުން ކަރުދާސްގަނޑު ދޫވެގެން ތަޅުންގަނޑުމައްޗަށް ވެއްޓުނެވެ. އެއީ އެ ނަތިޖާ އަންނާނެގޮތްކަން މާކުރީން އެނގުނު ނަމަވެސް، ލޮލުން އެހާ ޔަގީން ހެއްކެއް ފެނުމުން އޭނައަށް އެނދުމައްޗަށް ޖެހިގަނެވުނެވެ. އުފާވެރިކަމުގެ ކަރުނުން ދެލޯ ބަރާވިއެވެ.
“ވިޝާމް! ކިހިނެއްވީ؟” ޔުމާން އަވަސްއަވަހަށް ކަރުދާސްގަނޑު ނެގިއެވެ. ސަދަފް ވެސް ކެތްތެރިކަން ކުޑަވެފައި ޔުމާންގެ ކޮނޑުމަތިން އެ ކަރުދާހަށް ބަލާލިއެވެ.
ކަރުދާހުގައި އޮތީ އެމީހުންގެ ހިތް އެދެމުންދިޔަ، ނަމަވެސް ގަބޫލުކުރަން ދަތި ހަގީގަތެވެ.
” ޕްރޮބަބިލިޓީ އޮފް ޕޭރެންޓޭޖް، ނައިންޓީ ނައިން ޕޮއިންޓް ނައިންޓީ ނައިން ޕަސެންޓް.. ރިލޭޝަންޝިޕް ކޮންފަރމްޑް” ޔުމާންއަށް ލަސްލަހުން ބުނެވުނެވެ.
“މިއީ… މިއީ ހަމަ އަމާޔާ.. އަހަރެމެންގެ ކޮއްކޮ!” ޔުމާންގެ އަޑު ކުރެހި، ދެލޯ ކަރުނައިން ފުރުނެވެ. “ސަދަފް، ވިޝާމް… ބަލާބަލަ! މިއީ ހަމަ އަހަރެމެންގެ ކުޑަ ކޮއްކޮ. އަހަރެމެންގެ އަމާޔާ” ޔުމާންއަށް ރޮވުނުއިރު އިތުރަށް އެއްވެސް ވާހަކައެއް ނުދެއްކުނެވެ. ނާޔާގެ ގައިގާ ބައްދާލި ހިނދު ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.
އުފަލާއި ދެރަ އެކުލެވޭ ޖަޒުބާތުތަކުގެ ސަބަބުން ވިޝާމްއާއި ސަދަފްގެ ދެލޮލުގައިވެސް ކަރުނައެވެ. އެއީ އެމީހުންނަށް މާ ކުރިން އެނގޭ ހަބަރަކަށްވާތި އެކަމަށް ނަފުސުއޮތީ މާކުރީން ވެސް ތައްޔާރުކޮށްފައެވެ. އެހެންނަމަވެސް ޔުމާންއަށް ވަމުންދާގޮތުން ހިތައް އުނދަގޫވެސް ވަމުންދިޔައެވެ.
“ޒަން ބުނިހެން މި ރިޒަލްޓްސް އާއި އެއްކޮން ވީ އެންމެ އަވަހަކަށް މަންމަމެން ގާތައް ދާން އޭރު ނިންމީ، އެކަމަކު މާކް މިކޮޅަށް އެންމެ އަވަހަށް ވެސް ގެނެވެނީ މި އަންނަ ހަފްތާގަ.. އޭގެ ކުރިން މިކަން ޝާއިރާއަށް ނާންގާ ބޭއްވުން އެންމެ ބުއްދިވެރީ .. މާކްމެން އައުމުގެ ކުރިން އެނގިއްޖެއްޔާ ވަރަށް ގޯސްވާނެ.. ހޫގޯ މެން ލައްވާ ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ މިކޮޅަށް ގެނެވުނަނުދޭން.. ބައްޕަ ނުކިޔާ ހުއްޓަސް މަންމައަކަށް ނުހުރެވޭނެ ނުކިޔާއެއް.. ޝާއިރާގެ ނުބައިކަން ނޭނގި މަންމަ އެބަހައްޓާ ގާތްކަން އެއި އަހަރެމެން އެންމެނަށް ވެސް އޮޅިފަ އޮންނާނެ ކަމެއް ނޫން.. މަންމަގެ ލައިފްގެ ހުރިހާ ކަމެއްހެން ޝާއިރާއަށް ކިޔައިދޭ.. އެންމެ ރަނގަޅުވާނީ މިވަގުތައް ސިއްރުކުރިއްޔާ… އަދި އެހެން ވާހަކައެއް ވެސް އެބައޮތް” ޔުމާން ހިސާބަކަށް ހަމަޖެހިލިތަން ފެނި ވިޝާމް ވާހަކަ ދެއްކިއެވެ. ދެލޮލުން ކަރުނަތައް ފުހެލިނަމަވެސް ޔުމާންގެ މުޅިމޫނު އެހާ މަދު އިރުކޮޅެއްގެ ތެރޭގައި ވަނީ ރަތްވެފައެވެ.
“ކޮން ވާހަކައެއް؟” ސަދަފް އަހާލިއެވެ.
“އިޔާން ބުނި ވާހަކައެއް އެބައޮތޭ.. އަހަންނަށް ހީވަނީ އޭނައަށް ކޮންމެވެސް ކަމެއް އެނގިއްޖެހެން.. ކުރީރޭ ޝެޑީ ގޮވައިގެން ނުކުންނާށެ ބުނެފަ އޮތްވަ އިރޫއަށް އެހެން ދިމާވެގެން ދިމާވާގޮތެއް ނުވި.. އިޔާން ބުނި އެއްވެސް ކަމެއް ނުކޮށް އޭނަ ބުނަންދެން މަޑުކުރަން.. އެހެންވީމަ ވެސް އެންމެ ރަނގަޅުވާނީ އަދި ހަމަ މަޑުކޮށްލުން” ވިޝާމް ބުންޏެވެ. ވިސްނާލާފައި އެކަމާއި އެހެންމީހުން ރުހުނުއިރު ޒަންޔާއަށް އެހިޔާލް އެހާ ކަމަކު ނުދެއެވެ. އެކަމާއި ވަގުތުން ނުރުހުންތެރިކަން ފާޅުކުރިއެވެ.
“ބަލާ ވިޝާމް، ތިމީހުންނަށް ނުފެނިދާނެ އެމީ އުޅޭ ހާލު، ބަޓް މަށައް އެމީ އެރޯ ރުއިމާއި އެއުޅޭ ހާލު ފެނޭ… އިތުރަށް އޭނަ އަނދިރީގަ ބަހައްޓައިގެން ހަމަ ތިބެން ވީތަ؟” އަމީރާގެ ހާލަތާއިމެދު ވިސްނާލިއަސް ޒަންޔާގެ ދެލޯ ފެންކަޅިވެއެވެ.
“ދެން ނެތޭ އިތުރު އޮޕްޝަނެއް ވެސް، އެމީއަށް އެއްވެސް ކަމެއް ހަނދާން ނުވާއިރު އާއިލީ މަތިފުށް ކިޔައިދީގެން ކިހިނެތް ހަނދާނީ؟ އެކުއްޖާ ބޮލެއްނު އިތުރަށް ހާސްވާނީ” ވިޝާމް ބެލީ ޒަންޠާއަށް ވިސްނައިދެވޭތޯއެވެ.
“ވިޝާމް އެބުނީ ރަނގަޅު ވާހަކައެއް.. އަނެއްކާ އިޔާ ބުނެފިއްޔާ ދޮންބެދައްތައަށް ވެސް އަދި ފެންނަނީ މަޑުކޮށްލަން.. ޔުމާން ކީކޭ ބުނަނީ؟” ނާޔާ އަހާލީ ޔުމާން ކުރެންނެވެ. ޔުމާންގެ އަނގަޔަކުން ބަހެއް ބުނެވޭ ވަރެއް ނޫނެވެ. އޭނާ ބޯޖަހާލާއިފައި ތެދުވެގެން އެތަނުން ދިޔައެވެ. ހީވީ އެކަނިވެލަން ބޭނުންވެފައި ހުރިހެންނެވެ. ނުކުމެގެން ދިޔައިރު ވެސް ދެލޮލުގައިވީ ކަރުނައެވެ. ޔުމާންއަށް ވެފައި ހުރިގޮތުން އިތުރަށް މަޑުކުރަން ނުހަދާ އޭނާގެ ފަހަތުން ނާޔާ ވެސް ދިޔައެވެ.
“ދޮންބެ ސަކަރާތް ވާނެކަން މާކުރިން ވެސް އެނގޭ، އެކަމަކު ވަރަށް ހިތްހަމަ ޖެހިއްޖެ ޑީއެންއޭ ހެދުނީމަ..”ސަދަފް އެ ރިޕޯޓުތަކައް ބަލައިލަމުން ދޫކޮށްލީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ. އޭނާ ދެން ސުވާލުކޮށްލީ މާކިންއާއި ބެހޭގޮތުންނެވެ.
“މަހާއްކޮ ބުނީ، މިހާރު އޮކްސިޖަން ވެސް ނައްޓާލަފައޯ އޮތީ.. ޑޮކްޓަރުން ވާހަކަ ދައްކާފަ ބުންޏޯ ވަރަށް އުއްމީދު ކުރެވެއޭ އުފާވެރި ހަބަރެއް ވަރަށް އަވަހަށް ލިބޭނެކަމަށް..” ވިޝާމް ބުނެލިއެވެ. ސަދަފް ބޯޖަހައިލިއެވެ.
“އެމީ ކޮންމެ ދުވަހަކު މާކުގެ ހަބަރު އޮޅުން ފިލުވަން މެސެޖުކުރޭ.. އެކަމަކު އެމީ ނުބުނޭ އެންމެ ފަހަރަކުވެސް މާކް ދެކިލަން ބޭނުންވެގެން.. މަށައް ހީވަނީ ދެރަވާތީ ފޮޓޯއަކުން ވެސް ބަލަން ބޭނުން ނުވަނީހެން.. މަންމައަށް ވެސް މާކްގެ ފޮޓޯ ފެނުނީމަ ކިހާ ވަރަކަށް ރުއި” ޒަންޔާ ތުންފިއްތާލެވުނެވެ. ހުދު އޭނާއަށް ވެސް މާކިންގެ ފޮޓޯ ބަލާލުމުގެ ހިތްވަރެއް އަދިވެސް ނެތެވެ. އަދި އަމީރާއަށް ވާނީ ކިހިނެތް ހެއްޔެވެ.
“ޔެސް، ދެރަވާތީވެ.. އަސްލު އެމީ ހާދަ ސްޓްރޯންގްއޭ އެހާ ވަރަށް ސުޓްރަގުލް ކުރަން ޖެހުނު އިރުވެސް.. ” ޒަންޔާގެ ވާހަކައަށް ސަދަފް ބުނެލިއެވެ. ވިޝާމްއާއި ޒަންޔާ ބޯޖަހައިލިއެވެ.
“ޝެޑީ، މިހާރު އިރޫ ކިހިނެތްތަ؟ ދޫކޮށްލި ފަހުން އަދި ނުދެވިގެން މިއުޅެނީ” ވިޝާމް އަހައިލިއެވެ.
“މިހާރު ވެސް އޯކޭ އެއްނޫން.. ދެން ރޮއެރޮއެފަ ކިޔާތީ އެންމެފަހުން ޑިސްޗާޖުކުރީ.. ޕޮލިސް ކޭސް އަކަށްވާތީވެ ހުއްދަނުދޭން ވެގެން އުޅުނީވެސް.. ގެއަށް ގެންގޮސްގަ މަ ކައިރިގަ ވެސް ބުނީ” ސަދަފް ބުނެލިއެވެ.
“ތިދެމީހުން ހަމަ އަސްލުގަ ވެސް ރިލޭޝަންޝިޕްއަކަށް ގޮސްގެންތަ ތިއުޅެނީ؟” ސަދަފްގެ ވާޙަކަ ނިމެންދެން އަހަން ހުރެފައި ޒަންޔާ އަހާލައިފިއެވެ. އެ ސުވާލާއި އެކު އެހާ ސީރިއަސް ވަގުތެއްގައިވެސް ވިޝާމް ފެށީ ހޭށެވެ.
”އިސް ޕިޔާރް ކޯ ކިޔާ ނާމު ދޫން ސީޒަން ތުރީ ގަ އެދެމީހުން އުޅެނީ.. އަހަންނަކަށް ވެސް ނޭނގޭ އެދެމީހުން އެވާ ލޯތްބަށް ދޭނެ ނަމެއް.. ” އިރަމްއާއި ސަދަފްއާއި ދެމެދުގައި އޮތް ގުޅުން ސަދަފް ކިޔައިދީފައިވާތީ އޭނާ ޖަވާބު ދިން އިރު ވެސް ދިޔައީ ހެމުންނެވެ. ސަދަފްވެސް އެއްމިޔަކަނުން ހީލައިގެން ހުރެ ސޯފާއަށް ޖެހިގަތެވެ.
“ހޫމްމްމް ދެން ދިމާ ކުރޭ، އަދި ނެތެއްނު ނުބުނެވިފައެއް.. އެހެން ބުނާ މީހާ ވެސް ނޭނގޭ އަދި ޒަން ކައިރީގަ ބުނި ކަމެއް.. ޒަން ބުނެބަލަ، މީނަ ދުވަހަކުވެސް ބުނިތަ ތިމަންނަ ލޯބިވެއޭ.. ނިކަން ވެލައިގެން ޒަން ކުރިމަތީގަ، އެކަމަކު އަހަރެންގެ ކައިރީގަ ހަމަ ޕޫކީއެއް މިއީ.. ވަރަށް ޒަން ވެގެން އުޅެނީ” ސަދަފްގެ ވާހަކައިން ވިޝާމް އެނދުމަތިން ބާލީހެއް ނަގާ އެއްލިއެވެ. އޭރު އޭނާގެ މޫނުމަތިން ހިސާބަކަށް ލަދުގަނެފައި ހުރިކަން ހާމަވެއެވެ. ޒަންޔާ ވެސް ދެލޯ ބޮޑުކޮށްލައިގެން ހުރިގޮތުން ސަދަފްއަށް ހެވުނެވެ.
“ބާއީ ގާއީޒް” ދެމީހުން ތިބިގޮތުން ސަދަފް އެކޮޓަރިން އަވަހަކަށް ނުކުތެވެ. ދެމީހުން ރަނގަޅަށް ވެސް ލަދުގަންނަވާލެވުމުން އޭރުވެސް ދިޔައީ ހެވެމުންނެވެ.
****
ސަދަފް ދިޔަ މަންޒަރު ފެނި އެ ބައިން ބެލްކޮންޏަށް ނުކުމެވެން ހުރިދޮރާއި ނިވާވެގެން ހުރެފައި ހައިކަލް ނުކުތެވެ. އޭރު އޭނާގެ ދެލޯ ރަތްކަމުން އެތައް އިރަކު ރޮއެފައި ހުރިކަން ހެކިދެއެވެ. ޔުމާންއާއި ނާޔާ ނުކުމެގެން ދިޔަހިނދު ވެސް އޭނާ މަޑުކޮށްލެގެން ހުރީ އެދޮރުގެ ނިވަލުގައެވެ. އޭގެ ކުރިން ވިޝާމްގެ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލައިގެން އޭނާ ހުރީއެވެ. އެތަނުގައި ހުންނައިރު އެބައިގެ ހަމަހިމޭން ކަމުން، އެކޮޓަރިތެރޭގައި ދެކެވުނު ހުރިހާ ވާހަކައެއް ނުހަނު ސާފުކޮން އޭނާގެ ތޫނު ކަންފަތައް އިވުނެވެ. އެތަނުގައި އިތުރަށް މަޑުކުރާނެ ހިތްވަރެއް ނެތުމުން، ހައިކަލް ލަސްފިޔަވަޅުތަކެއްގައި އައިސް އަމިއްލަ ކޮޓަރިއަށް ވަނެވެ.
ކޮޓަރިތެރޭގައިވީ ފަނޑުއަލިކަމެކެވެ. އާމިލާވެސް ގޭގައި ނޫޅޭ ވަގުތެވެ. އޭނާ ހުޅުވާލީ އަލާމާރީގެ ވަތްގަނޑެކެވެ. ދެން ނެގީ ކަޅުކުލައިގެ ފްރޭމެއް ލާފައިވާ ނުހަނު ރީތި އަލްބަމެކެވެ. އެ ހިފައިގެން އައިސް އެނދުމައްޗަށް ހަށިގަނޑު ދޫކޮށްލުމާއެކު، ހައިކަލްގެ ދެލޮލުން އަނެއްކާވެސް ކަރުނަތައް އޮހޮރިގަތެވެ. ހޯސްލާފައި އޮހެމުންދިޔަ އެ ކަރުނަތަކަށް ފުރިހަމަ މިނިވަންކަން ދީފައިވާ ކަހަލައެވެ. ހަށިގަނޑުގައި ވަނީ ތުރުތުރެއް އުފެދިފައެވެ.
އެ އަލްބަމަކީ އަމާޔާގެ ތުއްތުއިރުގެ ދުވަސްތަކުން ފެށިގެން އުމުރުން ފަސް އަހަރު ފުރުމާ ހަމައަށް، އުފާވެރި ހަނދާންތަކުން ފުރާލެވިފައިވާ ރީތި ބަގީޗާއެކެވެ. އޭގެ ކޮންމެ ސަފުހާއަކުން ފެންނަން ހުރީ ހައިކަލްގެ ހިތުގެ ކޮންމެ ވިންދަކާ ގުޅިފައިވާ އެ މައުސޫމް ދަރިފުޅުގެ ލޯބިވެތި ސޫރައެވެ. އެތައް ތަސްވީރެއްގެ ތެރެއިން ހައިކަލްގެ ނަޒަރު ހުއްޓުނީ، އަމާޔާ ގެއްލުނު އެ ބަދުނަސީބު ދުވަހު، އުފަންދުވަހުގެ ކޭކު ފަޅަން ވަޅީގައި ހިފަހައްޓައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއަށެވެ. އެ މައުސޫމް މޫނުމަތީގައި ވަނީ އަޖައިބެއް ފަދަ އުޖާލާކަމެކެވެ. ހީލައިގެން ހުރި ގޮތުން، ޖަވާހިރުތަކެއް ފަދަ އެ ކުދިކުދި ދަތްތައް ފެނެއެވެ. އެ ތުއްތު މޫނުމަތީގައިވި ހިނިތުންވުން ދިޔައީ މުޅި މާހައުލަށް އުފާވެރިކަން ގެނެސްދެމުންނެވެ.
“ބައްޕަގެ.. ދަރި.. ފުޅު..” ތުރުތުރުލަމުންދިޔަ އަތުގެ އިނގިލިތަކުން އެ ތުއްތު މޫނުކޮޅުގައި ފިރުމާލި ހިނދު، ހިތަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުން ހައިކަލްގެ އަޑު ބެދުނެވެ. އޭނާގެ ހިތްފަޅައިގެންދާ ފަދަ ހިތްދަތި ގިސްލުމުގެ އަޑު މުޅި ކޮޓަރިއަށް ފެތުރި، އެތަނުގެ ހަމަހިމޭންކަން މުގުރާލިއެވެ.
އެ ފޮޓޯގަނޑު މޭގައި ޖައްސާ ބާރުކޮށްލަމުން ހައިކަލް ދެލޯ މަރައިލިއެވެ. އެވަގުތު އޭނާގެ ލޯމައްޗަށް ސިފަވެގެން ދިޔައީ އަމީރާގެ ސޫރައެވެ. އަމީރާގެ އެ ބުޅި އިސްތަށިކޮޅާއި، ދެލޮލުގެ ވިދުމުގެ އިތުރުން އެ ހިތްގައިމު ހިނިތުންވުމެވެ. އަމީރާ ހިނިތުންވެލާ ކޮންމެ ފަހަރަކު އެ މޫނުމައްޗަށް ވެރިވާ އުޖާލާކަން ސިފަވުމާއެކު، ހައިކަލްގެ ހަނދާނަށް އައީ ތުއްތު އަމާޔާގެ ސޫރައެވެ. އެއީ ހަމަ އެ ސިފަތަކެވެ.
ޒަންޔާއާއި އަމީރާގެ މެދުގައި ދެކެވުނު ވާހަކަތަކަށް ފަހު، ހައިކަލް ދިޔައީ އޭނާގެ ހުރިހާ ދަރިންގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިކަމާއެކު ފާރަވެރިވަމުންނެވެ. ޑީއެންއޭ ޓެސްޓެއް ހަދަން އުޅޭ ޚަބަރު އޭނާއަށް އެންމެ ފުރަތަމަ ލިބުނީ، ގޭގެ ބަގީޗާ ތެރޭގައި ތިބެ ވިޝާމްއާއި ސަދަފް އެ ވާހަކަ ދެއްކި ވަގުތުއެވެ. އޭނާ އެތަނުގައި ހުރިކަމުގެ އެއްވެސް ހިލަމެއް ނެތި، ދެބެން ދެއްކި ވާހަކަތައް އަޑުއިވުނު ހިސާބުން ފެށިގެން، ހައިކަލްގެ ފާރަވެރިކަން ކުރިއަށްވުރެ ވަރުގަދަ ކުރިއެވެ. އަމީރާއަކީ އޭނާގެ ގެއްލިފައިވާ ދަރިފުޅު ކަމަށް ހިތުގައި އުފެދިފައިވާ ޝައްކުތައް ދިޔައީ ދުވަހުން ދުވަހަށް ވަރުގަދަވަމުންނެވެ. އެ ޝައްކުތައް ޔަގީންކަމަށް ބަދަލުވެގެން މިދިޔައީ މިރޭގެ މި ހާމަވި ހަގީގަތުންނެވެ.
އަމާޔާގެ މުޅި ދިރިއުޅުމާއި އަމާޔާގެ ނަން އަމީރާގެ ނަމަށް ބަދަލުވެ، އެމީހުންގެ ގާތުން ނުވެސް ދަންނަ ބޭރު އަދި އެހާ ދުރުތާކަށް ދެވުނު ގޮތެއް ހައިކަލްއަކަށް ނޭނގޭއެވެ. ނަމަވެސް އެއީ އޭނާގެ ލޭކަން ޔަގީން ވެއްޖެއެވެ. އެއީ އޭނާގެ އަތުން ބީވި ކުޑަކުޑަ އަމާޔާކަން ކިތަންމެ ބޮޑަކަށް ވެސް ޔަގީން ވެއްޖެއެވެ. ހައިކަލްގެ މެއިން ދިލަ ނަގައިގަތީ، އަމީރާ އިހުއުޅުނު މާހައުލުގައި އޭނާއަށް ހިތްތަދި ތަޖުރިބާތަކެއް ކުރަން ޖެހި އެތަކެއް އަނިޔާތަކެއް ތަހައްމަލުކުރަން ޖެހުނު ވާހަކަ ނަދީމް ކިޔައިދިން ހަނދާންވުމުންނެވެ.
“އަމާޔާ، ބައްޕަ ދަރިފުޅު.. އެންމެފަހުން ބައްޕައަށް ފެނިއްޖެ.”ދެލޯ މަރާ ބާރުކޮށްލައިގެން އިނދެ ހައިކަލް ދިޔައީ ގިސްލާ ރޮމުންނެވެ.
****
(ނުނިމޭ)
Woahhhhh
Varah reeeethi
Ma sha allah
Mihaaru dhen unfolding dho slowly slowly faharaku kameh
Zan and visham dhen haadha loabi ey😍😍
this just so sad
Maasha allah.
Mi prt vs vrh reethi.
Hama iraafa ey bunaanee.
Wait… Maak men annanee nxt weekga??????
I cant wait for maak ge bai.
I think zan ge ex-crush akee maak hen.
Anyways when nxt?????
Lysm n tc