ވިޝާމް ކާން އިނުމުން ޒަންޔާއާއި އަމީރާގެ ހިލަމެއް ވޭތޯ ހައިކަލްއައީ އާމިލާގެ އެދުމުގެ މަތިންނެވެ. ދޮރު ހިއްމިއަކަށް ހުޅުވިފައި ހުރިނަމަވެސް ދޮރު ހުޅުވާކަށް ގަސްތެއް ނުކުރިއެވެ. އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށް ހައިކަލް ހިއްލާލި އަތް ތިރިކޮށްލެވުނީ އަމީރާގެ ޖުމްލަތަކުންނެވެ. އޭނާގެ ހަރަކާތްތައް ވަގުތުން ގަނޑުކޮށްލިއެވެ. އެދެމެދުގައި ދެކެވުނު ވާހަކަތައް އިވުނު އިރު ހައިކަލްގެ ހިތައް ކުރުވީ ނުބައި އަސަރެކެވެ. ފުރަތަމަ ވެސް ހަނދާންވީ މަންހާ، އަމީރާއާއި ދިމާކޮށްލި ދުވަހުގެ ހަނދާނެވެ. އެދުވަހު މަންހާގެ ވާހަކަތައް ހުރިގޮތެވެ. އަދި އަމީރާ ކަންފަތްދޮށުން ފެނުނު އުފަންލަފުމަތިން ވަކިން ހަނދާންވިއެވެ. އަމީރާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ހައިކަލްއަށް ވެސް ވަމުން ދިޔައީ އެފަދަ ގޮތްތަކެކެވެ. އަމީރާ އެބުނިހެން މިރޭ އޭނާ، އަމީރާގެ އަތުގައި ހިފި ހިނދު ދޫކޮށްލާ ހިތެއް ނުވިއެވެ. މިހުރިހާ ދުވަހަކު އެ މައުސޫމް މޫނުމަތިން އޭނާއަށް ވެސް ހީވި ފަސް އެޅި ވަޅުޖެހިފައިވާ އެތައް ހަނދާނެއް އިޙްސާސްކޮށްދޭން އުޅުނުހެންނެވެ.
“އެމީ؟ އެމީ ވެދާނެތަ އަހަރެންގެ ދަރިފުޅަށް؟”ހައިކަލްގެ ދެތުންފަތް ދޭތެރެއިން ބޭރުވިއެވެ. އޭނާގެ މުޅި ހަށިގަނޑުގައި ހުރީ ތުރުތުރެއް ހިފާލާފައެވެ.
****
އިޙްތިޔާރަކާއި ނުލާ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. ހަށިގަނޑުން ބާރު ހުސްވާ ފަދަ އިހުސާސެއް ކުރެވުމުން، ހައިކަލްއަށް މަޖުބޫރުވީ ފާރުގައި ލެނގިލައިގެން ހުރެ ހަށިގަނޑަށް އެހީތެރިކަން ހޯދާށެވެ. އަމީރާގެ ކޮންމެ ޖުމްލައެއް ހައިކަލްގެ ކަންފަތުގައި ބާރަށް ގުގުމަމުން ދިޔައިރު، ހިތަށް ކުރުވަމުންދިޔަ ހިތްދަތި އަސަރުން މޭގައި އަތް ޖައްސާލެވުނެވެ.
” އަހަންނަކަށް ނޭނގެ މިވަނީ ކީއްކަމެއް. މިސާލަކަށް، ހައިކަލްބޭބެއާއި އާމިލާދައްތައާ އަހަންނާ އެއްވެސް ގުޅުމެއް އޮތްކަން އެނގިއްޖެނަމަ، އަހަންނަކަށް ހިއެއްނުވޭ މި އާއިލާއާ ދެން އިތުރަށް އެއްވެސް ގުޅުމެއް ބޭއްވޭނެހެންނެއް” އަމީރާ ބުނާއަޑު އިވުނެވެ. ފައިބަމުން ދިޔަ ކަރުނަތަކާއި އެކު ވެސް ދެފަރާތައް ބޯހޫރުވާލެވުނެވެ.
“ވަޓް؟ އެއީ ކީއްވެގެން؟” އަމީރާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދެމުން ޒަންޔާއަށް އަށް އެހުނެވެ.
“ކޮންމެ ބަޔަކަށް އަހަރެންގެ އާއިލާ ވިޔަސް އެބަޔަކު އަހަރެން ދެކެ ގައިމުވެސް ލޯބި ނުވާތީ އެންނު މިހެން ހަދާނީ! އަހަންނާއި ދޭތެރެގަ ކުޑަކޮން ވެސް ވިސްނާލި ނަމަ އުމުރުން އެންމެ ފަސް އަހަރުގެ ކުޑަ އަންހެންކުއްޖަކު އަނިޔާވެރިކަމުން ފުރިގެންވާ މާހައުލަކަށް ދުލެއް ނުކޮށްލާނެ! ހިތުގައި ރަޙްމުގެ ކަންފުޅެއް ވެސް ނެތީމަ އެ ނުބައި ޖަނަވާރުގެ އަތައް އެގްރީމެންޓެއް ހަދާފަ އެއްވެސް މުއްދަތެއް ނެތްގޮތައް ހަވާލު ކުރާނީ.. އޭގަ އެމީހުންގެ ސޮއި ހުރި .. އަހަރެން ނުކުރަން އެއްވެސް މީހަކަށް އިތުބާރެއް! އިތުބާރު ކުރަން ބޭނުންވިއަސް ކުރާނެ ގޮތެއް ޒަން ބުނެބަލަ؟ މާކް ނޫނީ މިދުނިޔޭގަ ވެސް އަހަންނަށް ހެޔޮއެދުނު މީހެއް ނެތް” އަމީރާ ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. ނޫނެކޭ ބުނެ ޒަންޔާ ދެފަރާތައް ބޯހޫރުވާލި ނަމަވެސް އެކަމާއި ބެހޭގޮތުން ދެން އެއްޗެއް ބުނާކަށް ޒަންޔާ ބޭނުމެއް ނޫނެވެ. ގައިމުވެސް އަމީރާ ގަބޫލެއް ނުކުރާނެއެވެ. މޭޒުމަތީގައި އޮތް ފުނަލަށް ބަލައިލި އިރު މިފަހަރު ޒަންޔާގެ ދެލޮލުން ފެނުނީ މާޔޫސްކަމެވެ. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވީ ނަމަވެސް ހިތްވަރު ދޫކޮށްލާކަށް ޒަންޔާ ނުވިސްނައެވެ. އޭނާ އެކަންތައް ކުރާނެ އެވެ. އަދި އަމީރާއަށްވެސް ވިސްނައިދޭނީއެވެ. އަމީރާގެ މަގާމުގައި އޭނާ ހުރި ނަމަވެސް ވިސްނޭނީ އެހެންކަން ޔަގީނެވެ.
ދެ އަންހެން ކުދިން ނުކުންނަން މިސްރާބު ޖެހީ ހައިކަލްގެ އަޑުންނެވެ. އިތުރަށް އަމީރާގެ އެހިތްދަތި އަޑާއި އެ ބަސްތައް އަހާނެ ހިތްވަރު ހައިކަލްގެ ގަޔަކު ނެތެވެ. އާމިލާ ހޯދާކަމުގައި ބުނެފައި ، އެމީހުން ނުކުތުމުގެ ކުރިން ހައިކަލް އެތަނުން ދިޔައެވެ. އޭނާގެ މޫނު އެއްވެސް މީހަކަށް ދައްކާކަށް އެވަގުތު ބޭނުމެއް ނުވިއެވެ.
ޒަންޔާ އާއި އެކު ތިރިއަށް ފައިބަމުން ދަނިކޮން ފޯނު ރިންގުވަމުންދާތީ ބަލައިލެވިއްޖެއެވެ. ގުޅަނީ މީރާންއެވެ. އޭރު އިރަމްއާއި މަޖުދާ އަދި ނަދީމްގެ އެތައް ކޯލެއް އައިސްހުއްޓެވެ. ނަމަވެސް ފޯނުގެ އަޑުމަޑުކޮށްފައި އޮތުމުން އެމީހުން އެހާ ވަރަށް ގުޅިކަމެއް ވެސް ނޭނގުނެވެ.
“ހޭއި ސޮރީ، ފޯނު ޖީބުގަ-”
“ކޮންތާކު؟ މިއުޅެނީ ރީއްކޮ ރޯވަރުން.. ވީގޮތެއްވެސް ނޭނގޭ” އަމީރާ ފޯނު ނެގުމާއި އެކު މާނޭވާ ލަމުން މީރާން ވާހަކަ ދެއްކިއެވެ. އޭނާ ވާހަކަ ދެއްކި ގޮތުން އަމީރާ ވެސްހާސްވިއެވެ. މިދަނީ ކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. ތިރިއަށް ފޭބިއިރު އޭނާގެ އިންތިޒާރުގައި ކާންހަދައިގެން އާމިލާ ހުއްޓެވެ. ނަމަވެސް ކުއްލިއަކަށް ގެއަށް ދާން ޖެހުނު ވާހަކަ ބުނުމުން ދެރަވެފައި ހުރެވެސް އާމިލާ ބޯޖަހައިލިއެވެ. އަދި މާދަމާ އަންނަން ވާނެ ކަމަށް ބުނެ ވިޝާމް ގެ ގާތުގައި އަމީރާ ގެންގޮސްދިނުމަށް އެދުނެވެ.
****
ވިއްސާރަވުމުގެ ސަބަބުން ގެއާއި ހަމައަށް ފޯރީވެސް ގިނަ އިރުތަކެއް ވަންދެން ދުއްވުނު ފަހުންނެވެ. އެހެންޏާ ހަމަޖެހިގެން ވިޝާމްއާއި ވާހަކަ ދެއްކިނަމަވެސް މިރޭ ދެމެދަށް ވަނީ އާދަޔާއިހިލާފް ބަރުހެލި ހަމަހިމޭން ކަމެއް ވެރިވެފައެވެ. އެކަމާއި ވިޝާމް ވިސްނަމުން ދިޔަ ނަމަވެސް، އަމީރާގެ ސިކުނޑީގައި ހަމަ އެކަނި ވަނީ ރީއާގެ ހިޔާލެވެ. މީރާން ގުޅިއިރުވެސް ރީއާގެ ރުއިމުގެ އަޑު އިވުމުން އެކަމާއި ވިސްނުނީއެވެ. ގެއާއި ހަމައަށް ދެވުމުން ވިޝާމްއަށް ޝުކުރު އަދާކޮށްފައި ކާރުން ވެސް ފޭބީ ދުވެލާފައެވެ. އަމީރާ ދިޔަ މަންޒަރަށް ގެއްލި ހުރެފައި ވިޝާމް ހީލީ ހިތިގޮތަކަށެވެ.
ގެއަށް ވަދެވުނު އިރު، ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ރީއާގެ ގިސްލުމުގެ އަޑެވެ. އިޔާންގެ އަތުތެރޭގައި އޮތްއިރު، މެދުކެނޑުމެއްނެތި ރުއިމުގެ ސަބަބުން އަޑުވެސް ވަނީ ކުރެހިފައެވެ. އެ ތުއްތު މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އެތައް އިރެއް ވަންދެން މެދުނުކެނޑި ރުއިމުގެ ސަބަބުން، ދެލޯ ވަނީ ދުޅަވެފައެވެ. އެ މަންޒަރު ފެނުމުން އަމީރާގެ ހިތަށް ހީވީ ތޫނު އެއްޗަކުން ހަރާލި ހެންނެވެ. އޭނާ ފެނުމާއެކު، ރީއާ ތުންކޮޅު ނެރެލަމުން ދެއަތް ދިއްކޮށްލިއެވެ.
“މަންމީ…” ކުއްލިއެއް ޖަހާލާފައި އިޔާންގެ އުނގުން ފައިބައިގެން އައިސް، ރީއާ އޮޅުލައިގަތީ އަމީރާގެ ދެފައިގައެވެ. ރީއާ ނަގައި އުރާލެވުނު ހަލުވިމިނެއް އަމީރާއަށްވެސް ނޭނގުނެވެ. އެއާއެކު، މުޅި ގޭތެރޭގައި ހިފާލާފައިވި ރުއިމުގެ އަޑު ވަގުތުން ކެނޑި، މުޅި މާހައުލަށް އާދަޔާ ހިލާފު ހަމަހިމޭންކަމެއް ވެރިވެއްޖެއެވެ.
“މަންމީ”އިހުނަށްވުރެން ބޮޑަށް ކަރުގައި ބައްދާލަމުން ރީއާގެ ތުއްތު އަޑުން އަނެއްކާވެސް ގޮވާލިއެވެ. ތިން ދުވަސް ފަހުން ރީއާ ފެނުނު ހިނދު އެ އަންހެންކުއްޖާއަށް ވެފައި ހުރިގޮތުން، ދުރުގައި ހުރެވުމުން އަމީރާއަށް އަމިއްލަ ނަފްސުކުށްވެރިކުރެވުނެވެ. އެކުޑަ ދެލޮލުން އައި ކަރުނަތަކުން އިންތިހާއަށް ހިތުގައި ޖެހުނެވެ. އަމީރާއާއި ހެދި ރީއާ އުޅޭ ކޮންމެ ހިނދަކު، ހިތުގައި އުފެދިފައިވާ ލޯބި އެތައް ގުނައެއް ފުންވެއެވެ. ވޭތުވެ ދިޔަ ތިން ދުވަހު ރީއާއާއި ދުރުގައި ހުންނާކަށް އަމީރާއަށް އެއްގޮތަކަށް ވެސް ފަސޭހައެއް ނޫނެވެ. ނަމަވެސް އިޔާން އުޅޭތީ ދުރުގައި ހުންނަން ޒާތަކަށް މަޖުބޫރުވީއެވެ. އިޔާން ގޮސްފިނަމަ ޔަނާލް އަންނަ ގޮތައް ދުރަކަށް ނުދެއެވެ. ޔަނާލްއާއި މެދު ރީއާ ދައްކާ ނުރުހުންތެރިކަން ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ. އެހެނަސް އޭނާ އައިސް އިންނަނީ ރީއާ ފެންނަ ހިސާބުގައެވެ. ހީވަނީ އަމީރާ އަތްލަފާނެތީ ކައިރިން ދުރަށް ނުދާން އުޅޭހެންނެވެ.
“އަމް ސޮރީ ބޭބީ” ރީއާގެ ބޮލުގައި އެއްއަތުން ފިރުމާލަމުން އަނެއް އަތުން އުނަގަނޑުގައި ވަށާލާލަމުން މޭގެ ތެރޭގައި ރަނގަޅަށް ބޮނޑިކޮށްލިއެވެ. އަމީރާ އިށީންދެލީ މަޖުދާ އިން ސޯފާގައިވާ ހުސް ޖާގައިގައެވެ. އަމީރާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލަމުން މަޖުދާ އަހައިލީ ކައިފިންތޯއެވެ. ނުކައި ހުރި ނަމަވެސް، ކާހިތް ނުވެފައި ހުރުމުން އާއެކޭ ބުނެ އޭނާ ބޯޖަހައިލިއެވެ. ނަދީމްއާއި މީރާން އަދި އިރަމް ވެސް ސޯފާތަކުގައި އިށީންދެލިއެވެ. އެމީހުންގެ މޫނުތަކުން ވެސް ފެނިގެންދަނީ ވަރުބަލިކަމެވެ. ރީއާ އަމީރާގެ މޭގެ ތެރޭގައި ހަމަޖެހިލައިގެން އޮތް ގޮތުން، އެއްވެސް މީހަކު އެ އަމާން ވަގުތުކޮޅަށް ހުރަސްއަޅާކަށް ބޭނުމެއް ނުވިއެވެ.
“ނާޔޫ ބުންޏޭ އެމީ ދިޔަ ވާހަކަ..ނަސީބެއްދޯ ވިޝާމްގޭގައި އުޅޭ ވަގުތައް ވެސް ވިކަން ” މަޖުދާ ބުނެލިއެވެ.
“ލައްބަ، ފޯނު ދަބަހުގަ އޮތީމަ ނޭނގޭ ގުޅިކަމެއް” އަމީރާ ޖަވަބުދިނީ ވެސް ރީއާގެ މޫނަށް ބަލަން އިނދެފައެވެ. އެ މަންޒަރު ފެނި މަޖުދާއަށް ލިބުނު ހިތްހަމަޖެހުމުގައި ހީލެވުނެވެ.
މަޖުދާއާއި ނަދީމްގެ އިތުރުން އިރަމް ދައްކަމުން ދިޔައީ، އަމީރާ އައުމުގެ ކުރިން ރީއާ އުޅުނު ގޮތުގެ ވާހަކައެވެ. އަމީރާގެ ގާތަށް ދާން ބޭނުންވެގެން، އެ ތުއްތު ކުއްޖާ ހުއްޓާނުލާ ރުއި ވާހަކަ ދައްކަމުން ދިޔައިރު، އަމީރާ އިނީ އިސްޖަހާލައިގެންނެވެ. ދޭތެރެއަކުން އެމީހުންގެ ވާހަކައަށް ބަހެއް ބުނެލި ނަމަވެސް، އަމީރާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އެހެނީ، އެމީހުންނާ ތަންކޮޅެއް ދުރުގައި އިން އިޔާންގެ ތޫނު ނަޒަރު ސީދާ އަމީރާގެ މޫނަށް ހުއްޓިފައި ހުރުމުންނެވެ. ނުބަލަން އިންނަން އަމީރާ މަސައްކަތް ކުރި ނަމަވެސް، އިޔާން ބަލަހައްޓައިގެން ހުރިކަން އޭނާއަށް އިހުސާސު ކުރެވެއެވެ. އެދެލޮލާއި ހަތަރު ކަޅި ހަމަކުރާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. އެހެންނޫނީ އޭނާގެ އަމިއްލަ ހިތް ބޭޒާރުވެދާނެއެވެ. އިޔާންގެ ސޫރައިން ، އޭނާގެ ދެލޮލަށް ބޮނޑިވަމުން ދިޔަ ކަރުނުތައް އޮހުނަ ނުދިނުމަށްޓަކައި، އެވަގުތުވެސް އަމިއްލަ ނަފްސާއި ވަރުގަދަ ހަނގުރާމައެއް އޭނާ ކުރަމުންދާކަން އެނގޭނީ އޭނާއަށްތާއެވެ.
“މިރޭ އެމީމެންގެ ރޫމްގައި ރީއްކޮ ބާއްވަންވީނު؟” މަޖުދާގެ މޫނަށް ބަލައިލަމުން އަމީރާ މަޑުމައިތިރިކަމާއެކު އަހައިލިއެވެ. މަޖުދާ އިޔާންއަށް ނަޒަރެއް ދިނުމަށްފަހު، ހިނިތުންވުމަކާއެކު ބޯޖަހައިލިއެވެ. ރީއާ ނިދުމުން އަމީރާ މަޑުމަޑުން ސޯފާއިން ތެދުވެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން އިރަމްވެސް ކޮޓަރިއަށް ވަނެވެ.
ރީއާ އެނދުގައި ބޭއްވުމަށްފަހު އަމީރާއަށް އޮށޯވެލެވުނު ގޮތަށް ނިދުނީއެވެ. ހޭލެވުނުއިރު ހެނދުނު ހަތެއް ޖަހަނީއެވެ. ފުންމައިގެން ތެދުވެވުނު ހިނދު ފުރަތަމަވެސް ބަލައިލެވުނީ، އޭނާއާއި އިރަމްއާ ދެމެދު އަރާމު ނިދީގައި އޮތް ރީއާއަށެވެ. އެ ގެއަށް އައިފަހުން މިހާ ލަސްވަންދެން ނިދިފައި އޮތް މިއީ ފުރަތަމަ ފަހަރެވެ. އެއީ ހުކުރު ދުވަހެއް ނަމަވެސް، އިތުރަށް އޮންނާކަށް އަމީރާ ބޭނުމެއް ނުވިއެވެ. ފާހާނައަށް ވަދެ ވުޟޫކޮށްގެން ނުކުމެ ނަމާދުކުރިއެވެ. އޭރުވެސް އިރަމްމެން ނުހޭލާތީ މަޑުމަޑުން ދޮރުހުޅުވާލާފައި ކޮޓަރިން ނުކުމަތެވެ. އޭރު މަޖުދާ ބަދިގޭގައި އުޅޭއަޑު އިވެއެވެ. ނަދީމްގެ އަޑު ވެސް އިވެއެވެ.
“ދެރަ ވާނެ ދޯ އާމީގެ ވެސް ހުރިހަމައެކަނި އަންހެން ދަރިފުޅު ވިއްޔަ” އަމީރާ އެތެރެއަށް ވަދެވަދެ ހުއްޓާ ފުރަތަމަ ވެސް އިވުނީ މަޖުދާގެ ޖުމްލައެވެ. ހިސާބަކަށް ހުއްޓުން އެރިއެވެ.
“އަހާން އެމީ! ދޮރު ހުޅުވާލާފައިވެސް ނުގޮވަންވެގެން މި ނުކުތީ.. މިއަދު އޮފް ދުވަހެއްނު، އަދި އިރުކޮޅަކު ނިދާލިނަމަ.” އަމީރާ ފެނުމާއެކު މަޖުދާ ވާހަކަދައްކަން ފެށިއެވެ. މަޖުދާގެ ވާހަކައަށް ތާއީދުކުރާ ފަދައިން ނަދީމްވެސް ބޯޖަހައިލިއެވެ. އަމީރާ ބަދަލުގައި ހިނިތުންވެލަމުން، މަޖުދާ މޮޑެން ތައްޔާރުކުރި ފުއްތަށި އަތުލިއެވެ. އަދި އެކަން އޭނާ ކޮށްލާނެ ކަމަށް ބުނެލިއެވެ. މަޖުދާ ދެން އަވަސްވެގަތީ ކޮފީ ގިރުމުގެ މަސައްކަތަށެވެ. ކެތްތެރިކަން ކުޑަވެފައި ހުރެ އަމީރާއަށް އިންތިޒާރުކުރެވެމުން ދިޔައީ އޭނާ އައި ގަޑީގައި އެމީހުން ދައްކަމުން ދިޔަ ވާހަކަ އަލުން ފަށާތޯއެވެ. އިރުކޮޅެއް ހިނގާދިޔަ ފަހުން ނަދީމް ވާހަކަ ދައްކަން ފެށުމުން އަމީރާގެ ހުރިހާ ސަމާލުކަމެއް އޭނާއާއި ގުޅުވާލިއެވެ. ހައިކަލްއާއި އާމިލާގެ އަންހެންދަރިފުޅާއި ބެހޭގޮތުން އެކަހަލަ ވާހަކައެއް އާމިލާގެ ފަރާތުން އިވުނެވެ. އެއީ އޭނާގެ އަށާރަ ވަނަ އުފަންދުވަހު އެގޭގައި ބޭއްވި ކުޑަ ޕާޓީއަށް އައި އެދެމީހުން އައި ރެއެވެ. އެރޭ އޭނާ އާއި އާމިލާ ވަކިން ވާހަކަ ދައްކާލަން ތިބި ވަގުތު އާމިލާ ދައްކަމުން ދިޔަ ވާހަކައަކުން އެވާހަކަ ބުނި ހަނދާން ވެއެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން މާބޮޑު ތަފްސީލަކަށް އާމިލާ ނުދެއެވެ.
“އެ ސޯދިގުގެ އަތެއް މިކަމުގައި ވާކަން އެނގުނު ފަހުން، ހައިކަލް އަދި ވަކިން ބޮޑަށް އެކަމާ ވިސްނާ. ނަސީބެއް އިޔާންއަށް މަގާމުގެ ކުރިއެރުން ލިބުނުކަން. މިހާރު ކިރިޔާވެސް ހައިކަލްމެންނަށް އެހީތެރިކަމެއް އެ ފޯރުކޮށްދެވެނީ. އިޔާ ބުނި ލަސްވާނެއޭ ކަންކަން ހޯދައިގަންނަން، އެކަމަކު ކުރާނެ ކަމެއް ނެތްދޯ؟ ނޭނގެ އެ ސޯދިގުމެން އޮޅުވާލައިގެން ކިތައް ކަންތައް ކަމެއް ކުރަމުން އެދަނީކީއެއް” މަޖުދާ ގެނެސްދިން ކޮފީ ތަށީގައި ތުންޖަހާލަމުން ނަދީމް ފުން ނޭވާއެއް ދޫކޮށްލިއެވެ.
މަޖުދާ އިތުރު ކޮފީ ތައްޓެއް އަމީރާއަށްވެސް ދިއްކޮށްލިއެވެ. އާންމުކޮށް އަމީރާ ކޮފީ ބޯނީ ރޮށި ފިހުމުގެ މަސައްކަތުގައި އުޅެމުންކަން އެނގޭތީ، އެއީ މަޖުދާ ކޮންމެ ދުވަހަކުވެސް ނުހަނު ލޯބިން ކޮށްދޭ ކަމެކެވެ. އަމީރާ ހިނިތުންވުމަކާއެކު ޝުކުރު އަދާކުރުމުން، މަޖުދާ، އޭނާގެ ބޮލުގައި ފިރުމާލިއެވެ.
“އާން، ކީއް ދޯ ކުރާނީ.. މައްސަލައަކީ އެކުއްޖާ މަރުވީ ކަމެއް ނުވަތަ ސަލާމަތުން ހުރި ކަމެއް ވެސް އެނގިފަ ނެތީމަ..” މަޖުދާ ވެސް ދެރަވެލާފައި ބުންޏެވެ.
“ދައްތަމެން ތި ދައްކަނީ ކޮން ކުއްޖެއްގެ ވާހަކައެއް؟” އެމީހުން އެ ވާހަކަ އިތުރަށް ކުރިއަށް ނުގެންދިއުމުން، ކެތްތެރިކަން ކުޑަވެފައި ހުރި އަމީރާ އެންމެފަހުން ސުވާލުކޮށްލިއެވެ.
“އެމީއަށް އަދި މި ވާހަކަ ކިޔައިނުދެވޭ ދޯ؟ އެއީ ހައިކަލްބެއާއި އާމީދައްތައަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅުގެ ވާހަކަ. ކުރުކޮށް ބުނާނަމަ، އެއީ އެމީހުންގެ މުޅި ދިރިއުޅުން، އެމީހުންގެ ފުރާނަ. އަމާޔާ ގެއްލުނީ ވީނުވީއެއް ނޭނގި. އެ ދުވަހަށްފަހު، އެ ދަރިފުޅު ހޯދުމަށް އެ ދެމަފިރިންނާއި އާއިލާގެ އެންމެން ހާދަ މަސައްކަތެއް ކޮށްފިއޭ. އެކަމަކު މިއަދާ ހަމައަށްވެސް އެއްވެސް އަލިމަގެއް ނުފެނުނު” މަޖުދާގެ ވާހަކަ ނިމުނުއިރު، ހީވީ މުޅި ހަށިގަނޑުގައި ފިނި ރޯޅިއެއް ދަތުރުކޮށްލި ހެންނެވެ. ކުރަން ހުރި މަސައްކަތް ހުއްޓި، އޭނާއަށް ބޭއިޚްތިޔާރުގައި މަޖުދާއާ ކުރިމަތިލެވުނެވެ. އެ ވާހަކަ އިތުރަށް އޮޅުންފިލުވުމުގެ ޝައުގުވެރިކަން ހިތުގައި އުތުރި އަރައިގަތެވެ.
“އެއީ ކިހިނެތް ގެއްލުނީ؟ ކޮންތާކުން އެންމެ ފަހުން ފެނުނީ؟” އަމިއްލަ ނަފްސަށް އަންނަމުން ދިޔަ ބަދަލުތައް ނަދީމްއާއި މަޖުދާއަށް ފަޙުމްވުމުގެ ކުރިން އަމީރާ ހިންދިރުވާލަމުން ވާހަކަ ދެއްކިއެވެ.
“އަމާޔާގެ ފަސްވަނަ އުފަންދުވަހުގެ ޕާޓީގެ ތެރެއިން އެކަން ހިނގީ. ވީގޮތެއް އެނގޭ އެކަކުވެސް އެތަނަކު ނެތް. އާއިލާގެ ހުރިހާ ކުދިންނާއެކު ފޮޓޯނަގައި، ކޭކު ފަޅައި ހެދިފަހުން އެ ދަރިފުޅު ގެއްލުނީ. އެ އުމުރުގެ ކުދިންނާއެކު ނުހަނު މަޖާވެފައި ކުޅެން އުޅޭތީ، ހައިކަލްމެންވެސް ތިބީ އެކުވެރިންނާ ވާހަކަދައްކަން މަޑުކޮށްލައިގެން. އެހެން ތިބެފައި ބަލައިލިއިރު، އެ ހިސާބުގަނޑަކުން އަމާޔާގެ ހިލަމެއްވެސް ފެންނާކަށް ނެތް. އެ ވަގުތުން ފެށިގެން މިއަދާ ހަމައަށްވެސް އެ ދަރިފުޅު އެދަނީ ހޯދަމުން. އެކަމަކު އެއްވެސް ޚަބަރެއް ނުވޭ. އާމިލާއާއި ހައިކަލްގެ ހާލު ވަރަށް ބޮޑަށް ދެރަވި. ބެލެވޭ ގޮތުގައި އެކަމުގެ އަޑީގައި ބަޔަކު އުޅޭ. އެހާ ސެކިއުރިޓީ ވަރުގަދަ ގެއެއްގައި ކެމެރާ ހުންނާނެތާދޯ؟ އެކަމަކު ބެލިއިރު ހުރިހާ ފޫޓޭޖެއް ހުރީ އަލުން ނުހޯދޭ ވަރަށް ފުހެލާފައި. އެކަން ކުރި ބަޔަކުވެސް ނޭނގުނު. އެމީހުންގެ އަތުން ގެއްލިފައި އޮތީ އެންމެ މަންޒަރެއް. އެއިން ފެންނަނީ ގެއިން ނުކުމެގެން އެގޭގެ ގޭޓުން އެ ތުއްތު ކުއްޖާ ބޭރަށްދާ ތަން” އެހިސާބަށް ބުނެދީފައި ނަދީމް ވާހަކަ މެދުކަނޑާލިއެވެ. އިތުރަށް އެނގޭ ކަންތައްތައް ހުރި ނަމަވެސް، އެ ވާހަކަ ކުރިއަށް ގެންދަން އޭނާ ބޭނުންނުވީއެވެ. ސޯދިގު ފަދަ ނުފޫޒުގަދަ މީހެއްގެ ނަން ގެނެސްގެން އަމީރާގެ ހިތުގައި ނުތަނަވަސްކަމެއް އުފައްދާކަށް އޭނާ ނޭދުނެވެ.
“އަ..އަ..އަމް.. އެކުއްޖާ ދެކުނިންތަ ބޭބެ؟” ކީއްވެ ކަމެއް ނޭނގެއެވެ. އަމާޔާގެ ނަން ކިޔަން އުޅެއުޅެ އަމީރާއަކަށް ނުބުނެވުނެވެ. ކުރުވީ ބުނެދޭން ނޭނގޭފަދަ އުނދަގޫ އިޙްސާސެކެވެ. ފުރަތަމަ އަކުރާއިއެކުވެސް ހީވީ އެތެރެހަށީގައި ހޫނުގަނޑެއް އުފެދިގެން ދިޔަހެންނެވެ.
” އޭރު އަހަރެމެން ވެސް އެގެޔަކަށް ނުދަން.. އަމާޔާ ގެއްލުނުތާ ދުވަސްކޮޅެއް ފަހުން ދެއާއިލާގެ އެކުވެރިކަން ބަދަހިވެ ގުޅުން ފެށުނީ.. އެހެންވެ އެކުއްޖާ ހަމަ ލޮލަށް ފެނިފައެއް ނެތް، އެކަމަކު ފޮޓޯއިން ދުށިން.. އޭރު މާގިނަ އޮންލައިން ނޫސްތަކެއް ނުހުންނާނެތާ ދޯ.. ހުރި މަދު ނޫސްތަކުން ވެސް އެހަބަރު ގެނެސްދީފަ ހުއްޓަ ހައިކަލް ބާރުފޮރުވައިގެން އޭގަ ޖަހާފަ ހުރި ފޮޓޯތައް ނެގި.. އެއީ އެ ފެނުނީމަ އާމިލާ މާބޮޑަށް ގޯސްވަނީ.. މިހާރު އެހަބަރުތައް ވެސް ނޭނގޭ ފެންނަން ހުންނާނެ ކަމެއް… ” ނަދީމް ބުންޏެވެ.
“އެހެންތަ، ވަރަށް ބަލާލާ ހިތްވެއްޖެ..” ހިތައް ކުރުވަމުން ދިޔަ ގޮތް ނޭނގޭ އިޙްސާސް ފުންވަމުންދިޔައެވެ. އަމާޔާގެ ވާހަކަ ފެށ ހިސާބުން ނޭނގޭ ސަބަބަކާއި ހުރެ އަމީރާގެ ފެންކަޅި ވެގެން ދިޔައެވެ. ހިތްވަރުކޮށްލާފައި ކަރުނަތއް އޮއްބާލަން މަސައްކަތް ކުރަމުން ދިޔަނަމަވެސް ބޭއިޙްތިޔާރުގައި ކޯތާފަތް މައްޗަށް ކަރުނަތައް ފައިބައިގަތެވެ. އަމީރާގެ ނަސީބު ވެސް ރަނގަޅީއެވެ. ދޮރުން ވަދެގެން އައި އިރަމްއާއި ރީއާގެ އަޑަށް މަޖުދާއާއި ނަދީމްގެ ނަޒަރު އެމީހުންނަށް ހުއްޓުނެވެ. އަމީރާ އަވަސް ހަރަކާތަކާއި އެކު އެމީހުންނާއި ފުރަގަސްވާހެން އެނބުރުނެވެ. ދެލޯ ފުހެލަމުން ހަމައަކަށް އެޅެން މަސައްކަތް ކުރަންފެށީ ކުއްލިއަކަށް ވެސް އެއިން މީހަކަށް އޭނާގެ ކުރިމައްޗަށް އެރިދާނެތީއެވެ.
“ދައްތަގެ ފޯނުގަ އިންނާނެ ކަންނޭގެ އަމާޔާގެ ފޮޓޯއެއް.. އެމީއަށް ދައްކާލާނަން އިނގޭ.. މިއަދު ފެންނަން ހުރިނަމަ އިރޫއާއި އެމީ ވަރުވާނެ .. މިއަހަރު ނަވާރަ އަހަރު ވާނެ.. ” މަޖުދާ ހީލާފައި ޖަވާބުދިނެވެ. އެހުރިގޮތައް ހުރެ އަމީރާ ބޯޖަހައިލިއެވެ. ރީއާ އައިސް ފައިގާ އޮޅުލައިގަތުމުން ހީލުމަށް މަޖުބޫރުވިއެވެ. އިރަމް ފޮށިފިހުމުގެ މަސައްކަތް ފެށުމުން އަމީރާ އެ މަސައްކަތް ބަހައްޓާފައި ރީއާއަށް އެއްޗެއް ކާންދިނުމުގައި މައްސޫލްވިއެވެ.
“ރީއްކޮގެ ޔޯގަޓްސް ހުސްވެފަ ދޯ؟”
“ލައްބަ ހަނދާން ނެތިގެން އަދި މިބަޔަށް ނުގެނެވޭ.. އިޔާ ރޭގަ ބުނި ހުންނާނެއޭ ގެނެސް .. އަޅެ ދޭބަލަ ބަލައިލަން” ހިޔާލެއް ފިކުރެއް ނެތި މަޖުދާ ބުނެލިއެވެ. އަމީރާއަށް ތެޅިގަނެވުނެވެ. އިޔާންގެ ބަޔަށްދާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. ހުކުރު ދުވަސްކަމުން އޭނާ ގޭގައި އުޅޭނެކަން ޔަގީނުންވެސް ބުނަން އެނގެއެވެ. އަމީރާއަށް ވެފައި ހުރިގޮތް ފެނި ހިތުގައި ހަމްދަރްދީ އުފެދުނު ވަރުން އެހީވުމަށް އިރަމް އުޅުނެވެ. ނަމަވެސް ތުންފިއްތާލެވުނީ އިރަމް ދިއުމަށް އުޅުމުން މަޖުދާ ވާހަކަ ދައްކަން ފެށީމައެވެ.
“އިރޫ އަންނާނަން ގޮސްފަ”
“ދެން ފުއް އެއްޗަށް އަތްލައިގެން ހުރެ އުނދަގޫ ވާނެ އެންނު.. އެމީ އެދަނީ އޭ ދޯ”އަމީރާއަށް ދޯ ލާފައި މަޖުދާ ބުނެލިއެވެ. ނަދީމް އެވަގުތު ދައްކަން ފެށި ވާހަކައާއި މަޖުދާ ބައިވެރިވުމުން އިރަމްއާއި އަމީރާގެ މޫނުމަތީގައިވި ކުލަވަރު އޮތީ ވަންހަނާވެފައެވެ.
ހިތާއި ދެކޮޅަށް އަމީރާ ނުކުތެވެ. އުރުގައި ރީއާ އިންއިރު މެދުނުކެނޑި ދިޔައީ ވާހަކަތައް ކިޔައިދެމުންނެވެ. ސްކޫލަށް ދާން ފެށި ފަހުން ލިބުނު އާ އެކުވެރިންނާއި، ޓީޗަރުންގެ ވާހަކައާއި، ކްލާސްތެރޭގައި ހިނގާ މަޖާ ކަންކަމުގެ ވާހަކަ ރީއާ ކިޔައިދެމުން ދިޔައީ ނުހަނު ލޯބި ގޮތަކަށެވެ. އެ ލޯބި ވާހަކަތަކުގެ ސަބަބުން އަމީރާގެ ހިތުގައި އުފެދިފައިވި ނުތަނަވަސްކަން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފިލައިގެން ދިޔަ ކަހަލައެވެ. ވާހަކަ ދައްކަމުން ރީއާ ކޮށްލާ ތުއްތު އިޝާރާތްތަކުންނާއި، ދޭތެރެއަކުން ޖަހާލާ ހިނިގަނޑުން އަމީރާގެ ހިތް ލޯބިން ފުރިގެން ދެއެވެ. އެއިން ކޮންމެ ވަގުތަކު ނުހަނު ލޯބިން އެކޯކޮޅުގައި ފިރުމާލާ ބޮސްދެވެއެވެ. އިޔާންގެ ބަޔަށް ވަންނަން ދިޔައިރު ހުރީ ތަޅުލާފައެވެ.
“މަންމީ ބަލާބަ! ވާރޭ ވެހެނީ!” ބޭރު ފެންނާނޭހެން ދޮރު ހުޅުވާލާފައި ހުރުމުން، ވާރޭގެ ތިކިތައް ވެހެމުން ދިޔަ މަންޒަރު ފެންނަމުންވެ. އަމީރާއަށް އެ މަންޒަރަށް ސަމާލުކަން ދެވުނީ ރީއާ ބުނުމުންނެވެ. ދޮރު ހުޅުވާލާފައިވެސް އެތެރެއަށް ވަނުމުގެ ބަދަލުގައި، އަމީރާ މަޑުކޮށްލީ ކުޑަދޮރު ކައިރީގައެވެ. އެއީ ރީއާއަށް ވާރޭގެ ހިތްގައިމު މަންޒަރު ރީތިކޮށް ދައްކާލުމަށެވެ.
“ބަލާބަ ބޭބީ، އޭނި ބިލްޑީންގެ ރެއިލިންގަ އެއިނީ ކާޅެއް.. ބަލާ ކާޅު ވާރެއިން ފެންވަރާލަނީ ދޯ” ދުރުން ފެންނަން ހުރި އިމާރާތެއްގެ ރެއިލިންގުގައި، ވާރޭގެ ތެރޭގައި ފިޔަތަޅުވަމުން އިން ކާޅު އަމީރާ ދައްކާލިއެވެ. ރީއާ އެ މަންޒަރަށް ބަލަން އިނދެ މަޖާވެފައި ވާހަކަ ދައްކަން ފެށިއެވެ.
“މަންމީ، އެ ކާޅުގެ މަންމަ ހޯދާނެ ދޯ މިހާރު؟”
“ޔެޝްޝް، މާ ގިނައިން ވާރެއާއި ތެމުނީމަ ބަލިވާނެ.. ކާޅު ބަލިވީމަ ކާޅުގެ މަންމަ ދެރަވޭނެ.. ދޫނި ނުތެމެއްޗޭ މާގިނައިން ވާރެއާ.. އޭރުން ބަލިވާނެ.. އޭރުން ދައްތި ކިހާ ދެރަވާނެ.. މިއީ މިދުނިޔެއިން ވެސް ދައްތި އެންމެ ބޮޑަށް ލޯބިވާ ކުއްޖާ ” އަމީރާ ތުން ނެރެލަމުން ޅައަޑުން ވާހަކަ ދެއްކިއެވެ.
“ނޫންން.. ދައްތި ނޫން، މަންމި ކިޔާނީ” ދެފަރާތައް ބޯހޫރުވާލަމުން ރީއާ ބުނެލިއެވެ. އަދި އަމީރާގެ ކޮނޑުގައި ބޯ އަޅުވާލިއެވެ. “ދޯ މަންމީ؟” ރީއާގެ އެ ލޯބި ބަސްތަކުން އަމީރާގެ ހިތަށް ލިބުނު ފިނިކަމާއެކު، އޭނާގެ ގައިގައި ބާރަށް ބައްދާލެވުނެވެ. އަދި ލޯބިން ފުރިގެންވާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. އެހެން އިރުކޮޅަކު ތިބުމަށްފަހު، ރީއާއަށް ކާންދޭން ލަސްވެދާނެތީ އަމީރާ އަވަސްވެގަތީ އެތެރެއަށް ވަނުމަށެވެ.
ނަމަވެސް އަމީރާ ސިހުނީ ފަސް އެނބުރުނު ވަގުތު ކުރިމަތިން ފެންނަން ހުރި ޔަނާލްގެ ސޫރައިންނެވެ. އެމޫނުމަތި ރަތްވެފައިވީ އިރު، ނުރުހުންތެރިކަން ހުރީ ސާފުކޮން ފެންނާށެވެ. އަމީރާގެ ހިތައް ވެރިވެފައިވީ ފޫހިކަމެވެ. އެތަނުގައި ސިކުންތުކޮޅަކަށް ވެސް މަޑުކުރާކަށް ހިތެއް ނޭދުނެވެ. އެހެނަސް ރީއާއަކީ ޔަނާލްގެ އުފަން ދަރިފުޅެވެ. އޭނާގެ ލެއެވެ. ޔަނާލްއަކީ ކިތަންމެ ދަށް އަހުލާގެއްގެ ވެރި އަންހެނެއް ނަމަވެސް، އޭނާއަށް ނުދައްކަން ރީއާ ފޮރުވުމުގެ ހައްގެއް އަމީރާއަށް ނެތްކަމަށް އަމިއްލައަށް ވެސް ގަބޫލް ކުރެވުނެވެ. އެތަނުން ދުރަށް ދިއުމަށް ކުރިއަށް އެޅެން އުޅުނު ފިޔަވަޅުވެސް ހުއްޓި ދެފައިގާ ކަސްތޮޅު އެޅުވުނެވެ.
ޔަނާލް ފެނުމާއެކު، ބިރުން އުޅޭ ފަދަ ގޮތަކަށް ރީއާ ބާރަށް އަމީރާގެ މޭގެ ތެރޭގައި ބޮނޑިވެލިއެވެ. އެ މަންޒަރު ފެނުމުން ޔަނާލްގެ ރުޅިވެރިކަން ދެގުނަވެގެން ދިޔައެވެ. އޭނާ ބާރު ފިޔަވަޅުތަކެއްގައި އައިސް އަމީރާގެ ކުރިމަތީގައި ހުއްޓި، ރީއާގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް، ރީއާ އޭނާގެ އަތުގައި ބީހިލިޔަވެސް ނުދިނެވެ.
“ނޫން… ނޫން!” ރޮވިފައި ހުރެ އޭނާގެ ތުއްތު އަތް ފޮޅުވާލިއެވެ.
“ރީއްކޯ! އާދޭ މަންމަގެ ގާތަށް. ތިއީ ރީއްކޮގެ މަންމައެއް ނޫނޭ، މިއީއޭ މަންމައަކީ. ދަރިފުޅު ތިހެން ހެދީމާ މަންމަ ކިހާ ދެރަވާނެ؟ ދަރިފުޅު ބަލަން މަންމައަށް ނުހުރެވުނު ނަމަވެސް، މަންމަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ. މަންމަ އުރާލަން އާދެބަލަ” ދެލޮލަށް ކަރުނަ ޖަމާކުރަމުން ޔަނާލް އާދޭހުގެ ރާގަކަށް ވާހަކަ ދެއްކިއެވެ. ޔަނާލްދެކެ ފޫހިވެފައި ހުރި ނަމަވެސް، އެ މަންޒަރު ފެނުމުން އަމީރާގެ ހިތުގައި ޔަނާލްއާ މެދު ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް އުފެދުނެވެ.
“ދޫނި، ބަލާބަ! މަންމަ އެހުރީ ދަރިފުޅު އުރާލަން ބޭނުންވެގެން.. އަވަހަށް ފައިބާ، ބަސްއަހާ ކުއްޖެއްނު ދޯ؟” ރީއާގެ އަތުގައި މަޑުމަޑުން ކޮއްޓާލަމުން އަމީރާ ލޯތްބާއެކު ވާހަކަދެއްކިއެވެ. ނަމަވެސް، ރީއާ ކުޑަކޮށް ރޯން ފެށުން ފިޔަވައި އިތުރު ހަރަކާތެއް ނުކުރިއެވެ. އަމީރާ ދެތިން ފަހަރަކު ބުނުމުންވެސް ރީއާ އަމީރާގެ ގައިން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. ހަދާނެ ގޮތެއް ހުސްވެފައި އަމީރާއަށް ހުރެވުނީއެވެ. ޔަނާލް ކުރިމަތީގައި ހުއްޓާ ރީއާ ގޮވައިގެން އެތަނުން ދިއުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމަކަށް ނުވާނެތީ، އަމީރާ އިނީ ފިކުރުބޮޑުވެފައެވެ.
“އަމީރާ! ކަލޭ ވަރަށް އުފާވެފައި ދޯ ތިހުންނަނީ؟” ޔަނާލް ކުއްލިއަކަށް އަމީރާއަށް ނިސްބަތްކޮށް ވާހަކަދައްކަން ފެށުމުން އޭނާ ސިހިގެން ދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް ޔަނާލް އަމީރާއާ ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ފެންނަ ކޮންމެ ފަހަރަކު ޔަނާލްގެ މޫނުމަތިން ފެންނަ ނުރުހުންތެރިކަމުން، އޭނާ އަމީރާދެކެ އިންތިހާއަށް ރުޅިއަންނަކަން އޮންނަނީ ސާފުކޮށް އެނގޭށެވެ.
“އެކްސްކިއުޒް މީ؟” އަމީރާ މަޑުމަޑުން ބުނެލިއެވެ. ރީއާ ކުރިމަތީގައި ހުއްޓާ ޔަނާލް އެފަދަ ހަރުކަށި ރާގަކަށް ވާހަކަދައްކަން ފެށުމުން، ނުތަނަވަސްވިއެވެ.
“އަދިވެސް ކަމެއް ނުދަންނަ ކަމަށް ހަދަނީތަ؟ ކަލޭ ހިތުން ތިކުރަނީ ވަރަށް މޮޅު ކަމެއް ދޯ! ކަލޭގެ ނުބައިކަމުން މިއަދު މަންމައަކާއި ކުޑަކުޑަ ދަރިއަކު ދުރުވެފަ މިވަނީ.. މަށައް އެނގޭ އެކުއްޖާގެ ކައިރީ ފާޑުފާޑު ވާހަކަ ދައްކާތީކަން އެހެން އެއުޅެނީ.. ހިތަކަށް އަސަރެއް ވެސް ނުކުރޭތަ؟” ޔަނާލްގެ އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔައެވެ. އެ އަޑުގައި ހުރި ރިހުމުން ހީވަނީ ދެންމެ ދެންމެ ރޮއިގަނެފާނެ ހެންނެވެ. އެއީ އޭނާ ގަދަކަމުން އަޑަށް ވެރިކުރުވި މަސްނޫއީ ހިތާމަވެރި އަސަރެއް ކަމެއް ނުވަތަ ހަމަ އަސްލުގައިވެސް ދެރަވެގެން އަޑަށް އައިސްހުރި ބަދަލެއް ކަމެއް ބުނާކަށް ނޭނގެއެވެ.
އެ ބަސްތައް ވިހަ ތީރުތަކެއް ފަދައިން އަމީރާގެ ހިތަށް ހެރެމުން ދިޔައެވެ. ޔަނާލްއަކީ އޭނާ ކިތަންމެ ފޫހިވާ މީހަކަށް ވިޔަސް، އެ އިވުނު ކޮންމެ ޖުމްލައަކުން އަމީރާގެ ހިތުގައި އުފެދުނީ ކެތްނުކުރެވޭ ފަދަ ވޭނީ ރިހުމެކެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމަށް އޭނާ ވަރުގަދަ މަސައްކަތެއް ކުރިއެވެ. ޔަނާލްއަށް ރައްދެއް ދިނުމުގެ ބަދަލުގައި، އަމީރާ އަނެއްކާވެސް މަސައްކަތް ކުރީ ރީއާއަށް ވިސްނައިދީގެން ޔަނާލްގެ ގާތަށް ފޮނުވޭތޯއެވެ. ނަމަވެސް ރީއާ ތުންފިއްތާލަމުން ބޯހޫރުވާލީ، ޔަނާލްގެ ގާތަށް ދާން ބޭނުންނޫންކަން އަންގައިދޭ ފަދަ ގޮތަކަށެވެ. އަމީރާއަށް ހަދާނޭ ގޮތެއް ނޭނގުނެވެ.
“ޔަނޫ، ހާދަ ލަހޭ މިއަންނަނީއޭ ކިޔާފަ” އަމީރާއަށް ނަޒަރެއް ދެވުނީ ލިފްޓުން ފޭބި މީހަކު ފެނިފައެވެ. އެއީ އެވަގުތު ފެންނާނެ ކަމެއް ކުޑަކޮން ވެސް އުއްމީދު ކުރި ފަރާތެއް ނޫނެވެ. ހާއްސަކޮން މިފަދަ ވަގުތަކުއެވެ. އަމީރާއަށް ހިންދިރުވާލެވުނެވެ.
”ޖަވާބު ދީބަލަ، ކަލޭގެ ހިތައް ކުޑަވެސް އަސަރެއް ނުކުރަނީހޭ މަށާއި މަގޭ ދަރި ދުރުކުރާއިރު؟ އާނ، ދަރިއަކު ނެތް މީހަކަށް އިޙްސާސްވެސް ނުވާނެ، އަހަރެން ދުޢާ ކުރާނަން ކަލެއަށް ދުވަހަކުވެސް ދަރިއަކު ނުލިބޭތޯ!.. އޭރުން އިޙްސާސްވާނެ މަށައް މިއަދު ތިދޭ ދެރަ! ކަލެއަށް އެނގޭނު އިޔާން މިހާރު ނޫޅޭކަން ކަލޭއާއި ހެދި އެވަރަކުންނެއް! މިގޭމީހުންނަށް ވެސް ޖެހިފަ އޮތް އުނދަގުލެއް ތިއީ! ލަދެއް ވެސް ނުގަނޭތަ އެމީހުންގެ ތެރެއަށް ވެއްޓިގަނެގެން އޮންނާކަށް” ޔަނާލްގެ އަޑު މުޅި މާހައުލުގައި ގުގުމައިގެން ދިޔައެވެ. ރުޅިވެރިކަމާއި ހަސަދައިގެ ގިނިއަލިފާނުން އޭނާގެ މުޅި މޫނު ވަނީ ރަތްވެފައެވެ.
“އާން، އަސަރެއް ނުކުރާނެއެންނު… އަމިއްލަ އެދުމުން ފޯވިއަސް ތިއީ ފުކެއް ބޮޑުވަރު! ހަމައެކަނި އިޔާންގެ ފަހަތަކުން ނޫނޭ މި ސުންޕާ ކުޑަ އިބިލީސް މިދުވަނީ! މިހާރު ހައިކަލްއާއި އާމިލާގެ ފަހަތުން ވެސް ދުވަނީ! މި އަންހެނާއާއި ހުރެ އެގޭގަ މަށަކަށް ނެތް އެއްވެސް މަގާމެއް!” ޔަނާލްގެ ފަހަތުގައި ހުއްޓުނު މަންހާގެ މޫނުމަތިން ފެނިގެންދަނީ އެއަށްވުރެން ނުބައި ކުލަވަރެކެވެ. މަންހާގެ ނަޒަރު އަމީރާގެ ލޮލަށް ހުއްޓުނު ހިނދު، އެގޮތް ނޭނގޭ އަސަރުތައް ސިކުނޑިއަށް ކުރުވަންފެށިއެވެ. ނަމަވެސް ބޮލުގައި ރިހުން އުފެދުމުގެ ކުރިން އަމީރާއަށް އަމިއްލަ ނަފުސު ކޮންޓުރޯލު ކުރެވުނެވެ.
ދެމީހުންގެ ވާހަކަ ތަކުން ވީ ދެރައިން މެއަށް ކުރަމުން ދިޔަ ބާރުވީ އިތުރެވެ. ދެރަވެގެން ހިތްފަޅައިގެން ދާވަރުވީ ނަމަވެސް އެމީހުންގެ ކުރިމަތީގައި އެންމެ ކަރުނަތިއްކެއް ވެސް ވައްޓާލަން އަމީރާ ބޭނުން ނުވާ ކަހަލައެވެ. އަނެއްކޮޅުން ރީއާ ހުއްޓާ އެފަދަ ބަހުރުވައަކުން އެމީހުން ވާހަކަ ދައްކާ އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. އެތަނުން ދާންވެގެން ކުރިއަށް ފިޔަވަޅެއް އެޅި ހިނދު، ކުރިމައްޗަށް އަރާ ހިނގުނަ ނުދިނުމަށް މަންހާ ހުރަސްއެޅިއެވެ. އަމީރާއަށް ބަލައިލެވުނީ ރީއާއަށެވެ. އޭރުވެސް ރީއާއަށް އިނީ ރޮވޭގޮތްވެފައެވެ. އަބަދުވެސް މީހަކު ބާރަށް ވާހަކަ ދައްކާނަމަ ރީއާ ބިރުގަންނާނެއެވެ. އެތަނުން ދާނެ މަގު ބަންދުވީ އަނެއް ފަރާތުން ޔަނާލް އައިސް ހުއްޓިލުމުންނެވެ. މަޖުބޫރުވެފައި ހުރެ ރީއާގެ ދެކަންފަތުގައި އަމީރާއަށް އަތް އަޅާލެވުނެވެ.
“އަހަރެން ބުނީމެންނު ކަލޭދެކެ އަބަދުވެސް ވަރަށް ފޫހިވެއޭ! މިހާ އަވަހަށް ހަނދާނުން ފިލައިގެން ދިޔައީތަ އަހަރެން ދިން އިންޒާރުގެ މަތިން! އޭންން! ހަނދާން ކުރާތި އަހަރެންގެ އެއްވެސް އުފަލަކަށް ހުރަސް އަޅަން ދެން އުޅެފިއްޔާ ވަރަށް ގޯސްވާނެ! މިބުނަން އުޅެނީ ހައިކަލް ނޫނީ އާމިލާ އަދި އެމީހުންގެ ދަރިއަކާއި އެއްކޮން ވެސް ކަލޭ އުޅޭތަން ފެނިއްޖެނަމަ ވަރަށް ގޯސްވާނެއޭ.. ދެން އިޔާންގެ ވާހަކަ، ހީކޮށްގެން ތިހުންނަނީ އަބަދުވެސް ހުރިޙާ މޮޅެއް އަދި އުފަލެއްވެސް ލިބެން ޖެހޭނީ ކަލެއަށް ކަމަށްތަ! އިޔާން އެއް ނޫޅެއޭ މިހާރު ތި އަމީރާ ދެކެ ލޯބިވާތީއެއް! ހީ ނުކުރާތި ކަމެއް ކުރަން ނުކެރިގެންނޭ މިހުންނަނީ، މީގެ ކުރިން ވެސް އޮންނާނީ އަހަރެމެންނަށް ވެސް ކަންކަންވާކަން އަންގާލަދީފަ! ދެން ވެސް ފަހެއް ނުޖެހޭނަން! ތާއަބަދު އެހެން މީހުންގެ އުފާތައް ފޭރިގަންނަންތަ ހިތުލައިގެން ތިއުޅެނީ ކަލެއާއި ކަލޭގެ މަންމަ-” ވާހަކަ ދައްކަމުން ދިޔަވަރަކަށް ހިތުގައި އޮތް ރުޅިވެރިކަން މަންހާ ބޭރުކުރަމުން ދިޔައެވެ. އެ ރުޅިވެރިކަމުގެ ތެރެއިން، އޭނާއަށް އޮޅުމަކުން ބޭރުކުރެވެން އުޅުނު ފަހު ޖުމްލަ ހުއްޓާލަން ހަނދާންވީ ޔަނާލް ކޮއްޓާލުމުންނެވެ. ތެޅިގަނެފައި މަންހާއަށް ތުންފަތުގައި ދަތް އަޅުވާލެވުނެވެ.
އަމީރާގެ ސިކުނޑި ވަނީ އޮޅުންބޮޅުންވެފައެވެ. ވިސްނާ ވިސްނާ ވެސް ނޭނގުނެވެ. މަންހާ އެހާ ބޮޑަށް އޭނާ ދެކެ ރުޅިއަންނަން ވީ ކީއްވެ ހެއްޔެވެ؟ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ؟ އެހިތުގައި އަމީރާއާއި ދޭތެރޭގައި އޮތީ ސާފު ނަފްރަތެވެ. ކިތަންމެ ވަރަކަށް ސިކުނޑިއަށް ބާރު ފޯރުވިނަމަވެސް އެ ނަފްރަތުގެ އަސްލު ދެނެގަނެވޭ ގޮތެއް ނުވިއެވެ. އެއިން ކޮންމެ ލަފްޒަކުން އަމީރާގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. ވަމުން ދިޔަ ދެރަވީ އިތުރެވެ. ދެލޮލަށް ކަރުނަތައް ޖަމާވެ މަންޒަރު ފުސްކޮށްލިއެވެ. އެހެނަސް، މި ނުތަނަވަސް ދަނޑިވަޅުގައިވެސް ހިތްވަރުކުރުން ނޫން ގޮތެއް އަމީރާއަކަށް ނެތެވެ. އޭނާ އިހުނަށްވުރެ ބާރަށް ރީއާގެ ދެކަންފަތުގައި އަތްއަޅައި ފިއްތާލީ، އެ އަޑުތަކުން އެ މައުސޫމް ކުއްޖާ ރައްކާތެރިކުރުމަށެވެ.
ނަމަވެސް، މަންހާގެ ދުލުން ބޭރުވި އެންމެ ފަހު ތިން ޖުމްލައާއެކު، އަމީރާގެ މުޅި ހަށިގަނޑު ސިހިގެން ދިޔައެވެ. ލިބުނު ކުއްލި ސިހުމާއެކު އޭނާއަށް ތެޅިގަނެވުނެވެ. އެ ބަސްތަކަކީ މަންހާ ގަސްތުގައި ބުނި ބަސްތަކެއް ނޫންކަން ހާމަވީ، އޭނާވެސް ތެޅިގަތްގޮތުންނެވެ. ދެލޯބޮޑުވެފައި ހުރެ ޔަނާލް، އޭނާގެ އަތުގައި ކޮއްޓާލުމުން ނުގޮތަކަށް އަނގަމަތީގައި އަތް ބީއްސާލިއެވެ. އޭރު މަންހާގެ މުޅި މޫނު ހުރީ ހުދުވެފައެވެ.
“އަހަރެންގެ މަންމައޭ؟ މަންހާއަށް ކޯއްޗެއްތަ އެނގިގެން ތިއުޅެނީ؟ އެހެންނޫނަސް އަހަރެން މުޢާމަލާތް ކުރާނެ މީހަކާއި ނުކުރާނެ މީހެއް ކަނޑައެޅުމުގެ އިޚްތިޔާރެއް މަންހާއަކަށް ނޯންނާނެ!ބުނެބަލަ އަހަރެންގެ އާއިލާއާއި ބެހޭގޮތުން ކޯއްޗެއްތަ އެނގިގެން ތިއުޅެނީ؟” އަމީރާ ވާހަކަ ދެއްކީ މަޑުންނެވެ. ނަމަވެސް އެތެރެހަށީގައި ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. މަންޙާއާއި ކިތަންމެ ވަރަކަށް ސުވާލުކުރިނަމަވެސް ޖަވާބެއް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އެކަމަކުވެސް އަމީރާ ކުރިއެވެ.
އަމީރާގެ ސުވާލުތަކައް ޖަވާބެއް ނުދީ، ބޮޑާކަމާއި އެކު މަންހާ އައިސް ހުއްޓިލީ އޭނާގެ ކުރިމަތީގައެވެ. ހަށަމް ބަނދެލާފައި، އޭނާގެ މޫނުމަތިން ފެންނަން ހުރި ހާސްކަން ފޮރުވުމުގެ ގޮތުން މަކަރުވެރި ހިނިތުންވުމެއް ތިލަކޮށްލިއެވެ. ދެވަނަ ސިކުންތުގައި، އެއްވެސް އިންޒާރެއް ނެތި އަމީރާގެ ކޯތާފަތަށް އަރުވާލީ ބާރުގަދަ ހަމަލާއެކެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. މުޅި ކޯތާފަތް ދިލަ ތަދަކުން ފުރާލިއިރު، މަންހާގެ އިނގިލިތަކުގެ ނިޝާން އަމީރާގެ ރަތްވެފައިވާ ކޯތާފަތުން ސާފުކޮށް ފެންނަން ހުއްޓެވެ. އެ މަންޒަރު ފެނުމުން ރީއާ ބިރުން ރޯންފެށިއެވެ.
“ޝުޝްޝް ބޭބީ، އިޓްސް އޯކޭ..” އަމިއްލަ މޫނުމަތީގައި އަޅާ ވޭނަށް ނުބަލާ އަމީރާއަށް ބަލައިލެވުނީ އިޔާންގެ ބަޔާއި އޭނާ އުޅޭ ބައިގެ ދޮރަށެވެ. ރީއާގެ އަޑު އިވިފައި ކޮންމެ ވަގުތަކުވެސް އިޔާން ނޫނީ މަޖުދާމެން މީހަކު ނުކުމެދާނެއެވެ. އޭނާއަށް އެވަގުތު ވެފައި ހުރި ގޮތާއި އެކު އެއިން މީހަކަށް ފެންނާކަށް ބޭނުމެއް ނޫނެވެ. ޙާއްސަކޮން އިޔާންއަށް ފެންނާކަށް ނޭދެވުނެވެ. ތުންފިއްތާލާފައިވެސް ރީއާ ހުއްޓާލިތަން ފެނުމުން އަމީރާ ހިތްހަމަޖެހުނެވެ.
“ކަލޭތީ ކާކު އަހަންނާއި ސުވާލުކުރަން! އޭތް! ބިޗ*! ބަލަ ޔަނާލްއާއި އިޔާންގެ ކައިވެންޏަކީ ވަރަށް ކުރީން ސުރެން ދެއާއިލާގެ މެދުގަ ރޭވިފަ އޮތް ކައިވެންޏެކޭ.. ނުވަ އަހަރުގެ ބޮޑު ފަރަގެއް އޮތްއިރު، ކުޑަވެސް ލަދެއް ހަޔާތެއް ނެތީތަ؟ ޗީ! މިގެއާއި އެމީހުންގެ ފައިސާ ފެނިގެންތަ ތިކުޅިވަރު ފަށައިގެން ތިއުޅެނީ؟ ހަމަ އެހެންދޯ ތިއުޅެނީ ހައިކަލްއާއި އާމިލާގެ ފަހަތުންވެސް ނެއްޓެން ނޭނގިގެން! ތިއުމުރުގެ ފިރިހެނެއްގެ ފަހަތުން ދުވަން ދާންވީނު..ވަރަށް ރަނގަޅަށް އެނގޭ ކަލޭގެ ވައްތަރު، ކުރީން ބުނިހެން ކަލެއަށް މިހާރު މަ އެނގުނަސް ، މަށައް ކަލޭ އެނގެނީ އިއްޔެއަކު މިއަދަކު ނޫން! ކަލޭގެ އަމިއްލަ ނަފްސަށްވެސް ކަލެއާއި ބެހޭގޮތުން ނޭނގޭހާ ގިނަ ކަންތައް މަށައް އެނގޭ! ހަހް، އެހެންވެ މިބުނީ ބޮނޑިއެއްބޯން ނޫޅެ މައިތިރިވާށޭ” މަންހާ ރުޅިވެރި އަޑުން ގޮވާލިއެވެ. އެއިން ކޮންމެ ޖުމްލައަކުން ކަރުނައިގެ ކޯވަރުތައް އަމީރާއަށް ބޮވެމުން ދިޔައެވެ. ބުނަން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ފަހަތައް ޖެހިލީ ދެވަނަ ހަމަލާ އަމީރާގެ މޫނުމައްޗަށް ދީފައެވެ. މިފަހަރު އަނގަމައްޗަށް ކަމުން ތުންފަތް ކައިރިން ލޭގެ އަސަރު ފެނުނެވެ. ކޮލުގައި ނަގަމުން ދިޔަ ދިލައިން އަމީރާއަށް ތުންފިއްތާލެވުނެވެ. އޭނާ އަނެއްކާވެސް ދިއުމަށް އުޅުނެވެ. ނަމަވެސް މަންހާ މިފަހަރުވެސް ހުއްޓުވިއެވެ.
“މަށަށް ރަނގަޅަށް އެނގޭ، އިޔާއާއެކު ކާރުގައި އަހަރެން ދިޔަ މަންޒަރު ކަލެއަށް ފެނުނުކަން. ހައްހަހާ! އެނގޭތަ ގެއަށް އައި މަގުމަތީގަ އަހަރެމެން ދެއްކީ ކޮން ވާހަކައެއްކަން؟ ރީއާގެ މުސްތަގުބަލަށްޓަކައި އަހަރެމެން ދެމީހުން އަލުން ގުޅެން މިހާރު މިއޮތީ ނިންމާފައި!” މަންހާގެ ފަރާތުން ދެން އަތުވެދާނެ އަނިޔާވެރި ހަމަލާއަކަށް އަމީރާގެ ނަފްސު ތައްޔާރުވަމުން ދިޔަ ވަގުތު، ޔަނާލްގެ އެ ވިހަގަދަ ޖުމްލަތަކުން އޭނާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. ލިބުނު ކުއްލި ސިހުމާއެކު އަމީރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިޔާންއާ އޮތް ގުޅުން އޭނާ އަމިއްލައަށް ކަނޑާލި ނަމަވެސް، އިޔާން އެފަދަ ދަށު ދަރަޖައިގެ ނިންމުމެއް ނިންމަފާނެ ކަމަކަށް އަމީރާގެ ހިތެއް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެއެވެ.
“ދޫނި އެތެރެއަށް ވަދޭ އެނގޭ.. ލިވިންގް ގަ ވެއިޓްކޮށްލަ އެބަދަން.. ބައްޕަ ކައިރީގަ ނުބުނައްޗޭ.. ” ރީއާ ތިރިއަށް ބާލަމުން އަމީރާ ބުނެލިއެވެ. އެންމެ ފަހު ޖުމްލަ އަމީރާ ބުނެލީ އެކަނި ރީއާގެ ކަންފަތައް އިވޭވަރަށެވެ. ނުހަނު ފަސޭހައިން ބޯޖަހާލަފައި ރީއާ ވަނީ އިޔާންގެ ބަޔަށެވެ. ދޮރު ލެއްޕުނު އަޑަށް އަމީރާ ވަގުތުން ވާހަކަ ދައްކަން އުޅުނެވެ. އެކަމަކު މިފަހަރު ވެސް ޔަނާލްގެ ޖުމްލަތަކުން އަމީރާގެ ދުލުގައި ބޮޑު ތަޅެއް ލެވުނު ފަދައެވެ.
“އެއްޗެއް ގެޓް ނުވޭތަ، އަމީރާއާއި ގުޅިގެން ހުރެ އިޔާން މަ މިގެއަށް ލީމަ ވެސް؟ ތިމީހުންގެ ކުރިމަތީގަ އޭނާ ރުޅި އަންނަ ކަމަށް ހެދުނީ، އެކަމަކު އޭރުވެސް އަހަންނާއި އޭނަގެ ގުޅުން ރަނގަޅު…އޭގެ ފަހުން އަމީރާ ބަޓް ހަރޓް ވެގެން ބްރޭކްއަޕް ވެއްޖެއީމެންނު.. އަމީރާ އެންނު ތި ގުޅުން ނިންމާލީވެސް..” ނުބައި ހިނިތުންވުމެއްގައި ހުރެ ޔަނާލް ޝަޙާދަތް އިނގިލިން އަމީރާގެ ކޮނޑުގައި ކޮއްޓާލިއެވެ.
އަމީރާއަށް ވާހަކައެއް ނުދެއްކުނެވެ. ދެފަރާތައް ބޯހޫރުވާލެވުނެވެ. މަންހާއާއި ޔަނާލްގެ މޫނަށް ވަކިވަކީން ބަލައިލެވުނެވެ. އެމޫނުތަކުގައި ވީ މަކަރުވެރިކަމާއި އެތުންފަތްތަކުގައިވީ ވިހަ ހިނިތުންވުންތައް އަމީރާއަކަށް ނޯޅުނެވެ. އިޔާންއާއި އަމީރާގެ ގުޅުން އަމީރާ އަމިއްލައަށް ނިންމާލި ގޮތް އެއީ ޒަންޔާއާއި އިރަމްގެ ގާތުގައި އޭނާ ދައްކާފައިވާ ވާހަކަތަކެވެ. އިޔާންއާއި އޭނާގެ ގުޅުން ނާޔާއަށް އެނގިފައިވާ ކަން، އިރަމްގެ ފުށުން އަމީރާ ވަނީ އަހާފައެވެ. އުމުރުގެ ގޮތުން މާ ބޮޑު ތަފާތެއް ނުހުންނާތީ އިރަމްއާއި އިޔާންއަށް ވުރެން، ނާޔާއާއި އިޔާން މާ ގާތްކަން އަބަދުވެސް އަމީރާއަށް އެނގެއެވެ. އެ ދެމެދުގައިވާ ހިނގި ކަންތައް އޭނާ ފަހަރުގައި ނާޔާއަށް ކިޔައިދީފާނެއެވެ. ދެން އިޔާންގެ ފުށުން އެދެމީހުންނާއި ގުޅުން ހުރި ކަމެއް ވިއްޔާ ދާނީ ވިޝާމް އާއި ސަދަފްގެ ކަންފަތާއި ހަމައަށެވެ. ނަމަވެސް އެއިން އެކަކު ވެސް މަންހާއާއި ޔަނާލްއަށް އެއިން ވާޙަކައެއް ނުކިޔާދޭނެކަން މިއީ ދުވާލު ފަދައިން އަމީރާއަށް އެނގެއެވެ. ވީއިރު ކިޔައިދޭން އޮންނާނީ ވެސް އެންމެ މީހެކެވެ. އިޔާން ހަގީގަތުގައިވެސް ޔަނާލްއަށް ކިޔައިދިނީ ހެއްޔެވެ؟
“ލޮސްޓް ފޯރ ވޯޑްސް؟ ހަހަހަ، މިގެއަށް ކަލޭގެ ކުރިމަތިގަ ގެނައުމާއި، އޭނަގެ އެޕާޓްމަންޓުން އަހަރެން އެދުވަހު ނުކުތުމާއި ތިދެމީހުންގެ ބްރޭކް އަޕްގެ ވާހަކަ އަހަންނަށް އެނގުނު ގޮތް، މިކަންކަން އަހަންނަށް މިގޭ މީހުންނެއް ނުކިޔާދޭނެ.. އެކަން އަމީރާއަށް ވެސް އެނގެއެންނު.. ދެންވެސް ވިސްނާލާ ބައެއްގެ ދޭތެރެއަށް ވަނުމުގެ ކުރިން..” ވާހަކަ ދެއްކުމަށްފަހު ޔަނާލް ދުރުވެލިއެވެ. ޔަނާލް އިތުރަށް މަޑުނުކޮށް ގޮސް މަޑުކޮށްލީ ލިފްޓް ކައިރީގައެވެ.
“ހަނދާންކުރާތި އަހަރެން މިދެއްކި ވާހަކަ މަތިން!”
މަންހާގެ އަތުން އަމީރާގެ ނިތްކުރީގައި އަޅާ ފަހަތައް ކޮއްޕާލިއެވެ. ފާރާއި ކައިރީގައި ހުރެވުމުން އޭނާގެ ހަށިގަނޑު މަތަވީ ފާރުގައި ލައިގަނެފައެވެ. ލިފްޓު އައިސް ހުއްޓުމާއި އެކު އެދެމީހުން ލޯމަތިން ގެއްލުނު އިރުވެސް އަމީރާއަށް ހުރެވުނީއެވެ. ހުއްޓުން އަރާފައެވެ. ހޯސްލާފައި ދެލޮލުން ފައިބަމުން ދިޔަ ކަރުނައިގެ ސައިލާބުތައް ވީ އިތުރެވެ. ދިގު އެސްފިތަކުގައި ކަރުނަތިކިތައް ހަރުލަމުން ދިޔައިރު ދެލޮލާއި ދޮންމޫނަށްވަނީ ރަތްކަމެއް ވެރިވެފައެވެ. އެތެރެހަށި ވެސް ހީވަނީ ކުދިކުދިވަމުން ދިޔަހެންނެވެ. ހުރެވުނު ތަނުގެ ސަބަބުން ކޮންމެ ވަގުތަކުވެސް މީހަކު އައިސްފާނެކަމުގެ ބިރުއޮތެވެ. އަނެއްކޮޅުން ރީއާ ވެސް ވީ އެކަނިންނެވެ. ރުއިން ހުއްޓާލާ، ދެލޯ ފުހެލިއެވެ. އަދި ތެދުވެ އިޔާންގެ ބައިގެ ތަޅުގައި މަޑުމަޑުން ހިފާލިއެވެ. އޭރު ލިވިންގްރޫމާއި ދިމާލުން އިޔާންއާއި ރީއާގެ އަޑު އިވެއެވެ. މަޑު ފިޔަވަޅުތަކެއްގައި ކުރިޔަށް ދިޔައިރު، ސޯފާގައި ފޯނު ހިފައިގެން ރީއާ އިނީ ޔޯގަޓް ޕެކެޓެއް ބޯށެވެ. ސޯފާގެ ފުރަގަހުގައި އިޔާން ހުރީ ދޮރާއި ފުރަގަސްވާހެން ކޮންމެވެސް ފައިލެއް ހިފައިގެންނެވެ.އޭނާއަށް އަމީރާނުފެނެއެވެ. އިޔާން ހުރިގޮތުން ރީއާ ބޭރުގެ ހާދިސާ ނުކިޔާދޭކަން ޔަގީން ވުމުން ލަސް ފިޔަވަޅުތަކެއްގައި އޭނާ ބޭރަށް ނުކުމެ މަޑުމަޑުން ދޮރު ލައްޕާލިއެވެ.
ލިފްޓުގެ ކައިރީގައި ހުރި ސިޑިން މައްޗަށް އަރައިގެން ނުކުމެލީ ޓެރެހަށެވެ. އެތަނުގައި މީހަކު ނުހުންނާނެ ކަން ޔަގީން ވުމުން އުނދޯލީގައި އިށީންދެލިއެވެ. އެކަނިވެލަން ފުރުޞަތު ލިބުމާއެކު، އަމީރާގެ ކެތްތެރިކަން ކޮޅުންލައި، އަނެއްކާވެސް ބާރަށް ރޮވިއްޖެއެވެ. މިފަހަރު ހިތުގެ އުދާސްތައް ބޭރުކޮށްލުމަށް އޭނާ އެއްވެސް ހުރަހެއް ނޭޅިއެވެ. ބޭނުންވީ ހިތްފުރޭންދެން ރޯލާށެވެ. ގިސްލެވެމުން ދިޔަވަރަކަށް އޭނާގެ ލަނގޮޑިއަށް ބާރުވެ، ނޭވާ ހާސްވަމުން ދިޔައެވެ. މިއަދު އަމިއްލަ ނަފްސުގެ ބަދުނަސީބުކަން އޭނާއަށް އިހުނަށްވުރެ ބޮޑަށް އިޙްސާސް ކުރެވިއްޖެއެވެ.
އިޔާންދެކެ އަމީރާ ލޯބިވީ ހިތާ ފުރާނައިންނެވެ. އެނޫން ސޫރައަކަށް ހިތުން ކުޑަވެސް މަގާމެއް ދެވިފަ ނެތެވެ. އޭނާގެ މުޅި ދުނިޔެ އަނދިރިވެ، އުއްމީދުތައް ފަނޑުވެފައިވަނިކޮށް، ޙަޔާތަށް އާރޯކަމެއް ގެނެސްދިނީ އިޔާންއެވެ. މަގު އޮޅިފައިވާ މުސާފިރަކަށް ވީ ދުވަހު، އޯގާތެރިކަމުގެ އަތެއް ދިއްކޮށްލީވެސް ހަމަ އިޔާންއެވެ. އަމީރާގެ މުޅި ޙަޔާތް މީގެ ކުރިން ފުރިފައިވަނީ އަނިޔާވެރިކަމާއި ހިތްދަތިކަމުންނެވެ. އިތުބާރު ކުރަންވީ ވީ މީހެއް ނުކުރަންވީ މީހެއް ނޭނގެއެވެ. އެންމެ ހީނުކުރާ މީހުންގެ ފަރާތުންވެސް ލިބުނީ ކެކުޅުމެވެ. އެހެނަސް އިޔާންއާއި ބައްދަލުވި ހިސާބުން، ދުވަހަކުވެސް ލޯތްބަކީ ކޯއްޗެއްކަން ވެސް ނޭނގޭ އަމީރާއަށް ލޯބި ދަސްވިއެވެ. އިތުބާރު ކުރަން ދަސްވިއެވެ. އޭނާގެ އަމިއްލަ ނަފްސަށް ނުކުރާ އިތުބާރު އިޔާންއަށް ކުރިއެވެ. އުމުރުގައި ތަފާތު ހުރި ނަމަވެސް އެ އަޅާލުމާއި ލޯބި، އަމީރާގެ މުޅި ދުނިޔެ އުޖާލާ ކުރިއެވެ.
ނަމަވެސް މިއަދު ހާލަތު ބަދަލުވެއްޖެއެވެ. އެ އަޅާލުމާއި ލޯބި އެއީ އިޔާން ދައްކާލި ދަޅައެއްތާއެވެ؟ މިއަދު އިޔާންއަށް އިތުބާރު ނުކުރަންވީ އެތައް ސަބަބެއް އިޔާން ދައްކައިދީފިއެވެ. ދުލުން ބޭރު ކުރި ބަސްތަކަކުން ނޫނެވެ. ނަމަވެސް އޭނާގެ އަމުލުތަކުންނެވެ. އެއީ އަމީރާއަށް ދެވޭ ވޭނެއްކަން އިޔާންއަށް އިޙްސާސް ނުވެ ނުހުންނާނެތާއެވެ. އެކަމަކުވެސް އިޔާން އިޙްތިޔާރުކުރީ އަމީރާގެ ހިތައް އެންމެ ބޮޑަށް ވޭންލިބެނިވި މަގެވެ. އޭނާ އިންތިހާއަށް ލޯބިވާކަން އިޔާންއަށް އެނގޭނެއެވެ. އެގުޅުން ނިންމާލި ނަމަވެސް އެ ލޯބި އަދިވެސް ފަނޑުވުމެއްނެތި އެގޮތުގައި ވާކަން އިޔާންއަށް ސިއްރުވެފައެއް ނޯންނާނެއެވެ. އަމީރާގެ ކުރިމަތީގައި އެގެއަށް ޔަނާލް ގެނެސް ނުވިތާކަށް އަމީރާވީ ލޯބިވެސް މިއަދު އަގެއް ނެތް އެއްޗަކަށް އިޔާން ހަދާފިއެވެ. ކުށަކީ ކޮބާ ހެއްޔެވެ؟ މޭގައި އަތް އަޅާއިގެން އިނދެ އަމީރާ ރޮމުން ދިޔައީ މަންޒަރު ފެންނަމީހަކަށް ވެސް ކެތްތެރިވެލައިގެން ނުހުރެވޭނެ ފަދަ ހިތްދަތި ގޮތަކަށެވެ.
****
ބޭރުގައި ޔޫވީން ގޮވައިގެން އުޅުމަށްފަހު ޒަންޔާ ކޮޓަރިއަށް ވަނީ އާމިލާ ގެއަށް އައުމުންނެވެ. މަންހާގެ ސަބަބުން ހިނގާދިޔަ ހާދިސާއަށްފަހު އަދިވެސް އާމިލާ އޭނައާއި ވާހަކައެއް ނުދައްކައެވެ. އޭގެ ފަހުން މައްސަރެއް ފާއިތު ދިޔަ އިރުވެސް ބަދަލެއް ނައެވެ. އެހެންކަމުން އިތުރުމީހަކު ނެތިއްޔާ ބޭރުގައި މާގިނައިރު ހުންނާކަށް ޒަންޔާއަކަށް ނުކެރެއެވެ. ކޮޓަރިއަށް ވަތްއިރު ވިޝާމް އަދިވެސް އޮތީ ނިދާފައެވެ. ގަޑީން ދިހައެއް ޖެހީއެވެ. މިސްކިތައް ދާވަގުތާއި ގާތް ކޮށްލުމަށްފަހު ނޫނީ ނުގޮވަން އޭނާވެސް ވިޝާމް ގެ ގާތުގައި އޮށޯވެލި ހެނދުނުންސުރެން ޒާތަކަށްބޮލަށް އެނބުރުން އަރާފައި ހުރުމުންނެވެ.
ފޫހިފިލުވާލުމުގެ ގޮތުން ސްނެޕްޗެޓް ހުޅުވާލައި، ރަށްޓެހިންގެ ސްނެޕްތަކަށް ނަޒަރު ހިންގަމުން ދަނިކޮށް، ކުއްލިއަކަށް ފޯނަށް އައީ ޒާރާގެ ވޮއިސް މެސެޖެކެވެ. “ދޮންތާ!” އޭ ބުނެލި ޒާރާގެ އެ ތުއި އަޑުން ޒަންޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ވަގުތުން “ކިހިނެއްވީ؟” އޭ އަހައި މެސެޖެއް ފޮނުވާލިއެވެ.
“ދޮންތާ އައި ހޭވް އަ ނިއުސް ފޯރ ޔޫ.. އެކަމަކު ބައްޕަ ކައިރީގަ ނުބުނައްޗޭ.. ބަޓް އޯލްރެޑީ ބުނެފިން މަންމަ ކައިރީގަ.. އޭޒް ޔޫ ނޯ، ޝީ އިޒް ދި ކޫލެސްޓް” ޒާރާ މެސެޖް ކޮށްލިއެވެ. އޭނާ ކިޔަމުން ދިޔަ އެއްޗެއް ފަޙުމް ނުވެގެން ޒަންޔާ އަނެއްކާ ވެސް ކީކޭހޭ އަހައިލިއެވެ.
“ޒާ އަށް ފޯޓީން ވެއްޖެ އެއްނު، އަމް އޯލްޑް އިނަފް ދޯ ކުއްޖަކާ ރައްޓެހިވާން؟.. ޑޯންޓް ސޭ ނޫނެކޭ.. މަންމަ ހުއްދަ ދީފި ކާކުކަން އެނގުނީމަ” ޒާރާ ބުންޏެވެ. ފޯނަށް ބަލަހައްޓާއިގެން އިރު ޒަންޔާގެ އަނގަހުޅުވުނެވެ. އެންމެ ފަހުން އޭނާގެ ފޯނަށް ޒަންޔާ ގުޅައިފިއެވެ.
“ޒާ އަދި ސާދަ އަހަރު! އަދި ނުވޭ ތިކަހަލަ ކަންތައް ކުރާކަށް، ބަލާ ދޮންތައަށް ނަވާރަ އަހަރު ވަންދެން ހުރީ.. ތި ސަކަރާތް ނުޖަހާ ހަމަ ސީދަ މެރީ މިކުރީ” ޒަންޔާއަށް އަޑުލައިގަނެވުނެވެ. ޒާރާ ޖަހައިލީ ހިނިގަނޑެކެވެ.
“ޒާ ކީ ވާހަކައެއްގަ އުޅޭ ބާރަ އަހަރުގެ ގާލްއެއް.. އޭގަ އެކުއްޖާ މެރީ ކުރަނީ ވެސް އެ ބޯއީ އާ.. ހިއާރ ޒާއަށް ސާދަ އަހަރު ވެއްޖެ.. ޑީޕް ޑައުން، އަމް ޕްރީޓީ ޝުއާރ އައި ލަވް ހިމް… ސޯ ދިސް އިޒް ނޯމަލް ރައިޓް؟” ޒާރާ ބުނެލިއެވެ. ޒަންޔާއަށް ދެލޯ މަރާލެވުނީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ.
“ނޯ!.. އަ ބިގް ނޯ.. އަދި ތީ ކުޑަ ކުދިން..ބަސް އަހައިގެން ކިޔަވަބަލަ ފުރަތަމަ”
“އޯހް ޕްލީޒް ދޮންތާ.. ކުރީން ވެސް ޒާ މަންމަމެންނާ ސިއްރުން ކުއްޖަކާ ރައްޓެހިވިން.. އޭރުވެސް ގެންނަނީ އޭ .. މިހާރު ދެން ވެސް ގެންނާނީ އޭ.. ޒާ އެކަންޏެއް ނޫނޭ ނީޝް ވެސް ކޮންމެވެސް ބޯއީ އަކާ ޓޯކްކުރޭ” ޒާރާ ފޮނިވެލާފައި ބުނެލިއެވެ.
“މީނަ އަނގަދަށަކުން ނާރާނެ ފަރަކު ދަށުން އެރިއަސް.. ޕިސް، ދޮންތަ ނޯ ޖެހިޔަސް ޒާ ކުރަން ބޭނުންވާ ކަމެއް ކުރާނަމެއްނު.. ހުއްދައަކަށް އެދުމަށް ވުރެން ބޮޑަށް ހީވަނީ ކަމެއް ފެށިކަން އިއުލާނު ކޮށްލީހެން.. އެނީވޭޒް، ކާކާތަ ތިއުޅެނީ ހިތާވެގެން” ޒަންޔާ އަހާލިއެވެ.
“އަދި ނުބުނާނަން، އެކަމަކު ވަރަށް އަވަހަށް އެނގޭނެ އެ ކާކު ކަން .. ޔަގީން ހަމަ ސިއްސައިގެންދާނީ އެނގުނީމަ”
“ދެން ތިހެން ކީމަ ހިތްތެޅެއޭ.. ބުނެބަލަ ކާކުތައެއީ؟.. ދޮންތަ ދަންނަ ކުއްޖެއްތަ؟ ޒާ-” ޒަންޔާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ޒާރާ ފޯނު ކަނޑާލައިފިއެވެ.
“މިހެންވެ ޒާރާ ދެކެ ފޫހިވަނީ.. ހަމަ ކަންފަތްމައްޗަށް ފޯނު ކަނޑާލާނީ.. އެހެން ހަނދަންޏާ ނުގުޅީމަވީނު” ތުންދަމައިގެން އިނދެ ޒަންޔާ ކުދި ކިޔާލިއެވެ.
“ގުޑް މޯނިންގް ހަން” ޒަންޔާ ބަލައިލީ ވިޝާމްގެ އަޑަށެވެ. އޭރު އޭނާ އިނީ ތެދުވެ ހެޑްބޯޑުގައި ލެނގިލައިގެންނެވެ.
“މޯނިންގް” ޒަންޔާ ހީލިއެވެ. ވިޝާމްގެ ދެލޯ ރަނގަޅަށް ހުޅުވެން އިރުކޮޅެއް ނެގިއެވެ. ހޭވިފައިވާ އިސްތަށިގަނޑު ނިތްމަތިންނާއި ކަންފަތް ކައިރިން ތިރިއަށް ފައިބާފައި ހުރިގޮތުން ނުހަނު ހިތްގައިމެވެ. އޭނާހުސްގަޔާ ފެނުމުން އަދިވެސް ޒަންޔާ ލަދުގަނެއެވެ. ވިޝާމްއަށް އެކަން ފާހަގަ ވެގެން ޒަންޔާގެ ގާތައް އެ މޫނާއި ދިމާލަށް ގުދުވެލަމުން ހީލިއެވެ.
” ކާކުތަ މިހާ ހެނދުނާ މި ތުންކޮޅު ރުޅިއަރުވާލީ” ޒަންޔާގެ އަނގަކޮޅުގައި ހިފާލާފައި އަލުން އޮށޯވެލިއެވެ. މިފަހަރު އަތްމަތީގައި ޒަންޔާ ވެސް ބޭއްވިއެވެ. ހުސްކޮން އޮތްއަތުން އެހިމަ އުނަގަނޑުގައިހިފާ ގަޔާ ގާތްކޮށްލިއެވެ.
”ޒާރާ” ވިޝާމްގެ މޫނަށް ބަލައިލަމުން ޒަންޔާ ބުނެލިއެވެ. އެ މޫނުމަތިން އެއްވެސް މޮޅިވެރިކަމުގެ އަސަރެއް ފެނޭތޯ އޭނާ ދިރާސާ ކޮށްލި ކަހަލައެވެ. ވޭތުވެ ދިޔަ ހަފްތާގައިވެސް ވިޝާމްގެ މޫނުމަތިން ދިރުމެއް ނުފެނެއެވެ. ރޭގައި ވިޝާމް ނިދަން އޮށޯވެލުމުން ޒަންޔާ ކުރަން އުޅޭ ކަންތަކުގެ ވާހަކަ ބުނެދިން ހިސާބުން، އެ މޫނަށް ހީވީ ގެއްލުނު އުފާވެރިކަމާއި ދިރުން އަލުން އައިސްފިހެންނެވެ.
ވިޝާމް ހިނިގަނޑެއް ޖަހާލުމަށްފަހު ޒަންޔާގެ ކޯތާފަތުގައި ނުހަނު ލޯބިން ބޮސްދިނެވެ. ގަޔާވާ ވާހަކަ ބުނި ނަމަވެސް ލޯބިވާ ވާހަކަ ވިޝާމް ނުބުނެއެވެ. ނަމަވެސް އޭނާގެ ކޮންމެ އަމަލެއްގައިވަނީ ލޯތްބެވެ. ޒަންޔާއަށް އަޅާލާވަރާއި ބަހައްޓާ އޯގާތެރިކަމުން ވިޝާމްއަށް ޒަންޔާގެ ހިތް ލެނބިފައިވީ ނަމަވެސް އިސްވެ ލޯބިވާ ވާޙަކަ ބުނާނެ ހިތްވަރެއް އޭނާގެ ނެތެވެ.
“ދެކުދިން ނުތޮޅެއްޗޭ ތިހެން އުޅޭފަ.. އަހަހަ، ކީކޭތަ ޒާ ބުނީ” ވިޝާމް ބުނެލިއެވެ. ވިޝާމްގެ މޭގައި މޫނު ފޮރުވާލަމުން އެދެމުދުގައި ދެންމެ ދެކެވުނު ވާޙަކަ ހިއްސާކުރިއެވެ. އެވާހަކައިން ވިޝާމްގެ ގާތައް ވެސް ހިނިއައެވެ.
“އަހަރެން އެންމެ ރުޅި އަންނަ ދެކަންތައް ބުނަންތަ.. މޫނު މައްޗަށް ދޮރުޖެހުމާއި ކަންފަތް މައްޗަށް ފޯނު ކެނޑުން.. ޒާ ކުރާނެ އަހަރެން ރުޅިއަރުވަން ވެގެން އެދެކަންތައް ވެސް.. ދެންމެ ވެސް ވާހަކަ ދައްކަ ދައްކަ ހުއްޓައޭ ކަންފަތް މައްޗަށް އެ ފޯނު ކަނޑާލީ” ޒަންޔާ ތުން ދަމާލިއެވެ.
“އަހަހަ، އެބުނީ ހަމަ ރަނގަޅަށް މިހާރުގެ ކުދިން މީހުންނާއި ރައްޓެހިވޭ ދިހަ އަހަރު ނުވަނީސް.. ޒަން، އަހަރެންނަށް އެނގޭ ކަންނޭގެ ޒާ އެދައްކަނީ ކާކުގެ ވާހަކަ ކަން” ވިޝާމް އެއްޗެއް ހަނދާން ވެގެން ބުނެލިއެވެ. ޒަންޔާ ވަގުތުން ތެދުވަންނަން އުޅުނެވެ. އެހެނަސް ބޮލަށް އެނބުރުން އަރައިގެން ދިޔަ ގޮތުން އޭނާ އަރިއަޅާލިއެވެ.
“ހޭއި ހޭއި، ޔޫ އޯކޭ؟” ވިޝާމްއަށް ތެޅިގަނެފައި ޒަންޔާގެ ގައިގާ ހިފާލެވުނެވެ. އުނދަގޫ ގޮތަކަށް ބޮލުގައި އަތް އަޅާއިގެން އޭނާ ހުއްޓެވެ. އިރުކޮޅެއްވީފަހުން ހަމައަކަށް އެޅިލެވޭ ވަރުވުމުން އަނެއްކާވެސް ވިޝާމްގެ ގާތުގައި އޮށޯވެލިއެވެ.
“އާރ ޔޫއޯކޭ؟” ކަންބޮޑުވެފައި ހުރެ ވިޝާމްއަށް އެހުނެވެ.
“ޔެސް، އަމް އޯކޭ.. ފާޑެއްގެ ގޮތެއް އިރުކޮޅަކާ ބޮލަށް ވަނީ.. އެނބުރުން އަރާފަ ހުންނަނީ.. އެހެންވެލާފަ ރަނގަޅުވޭ.. މިހާރު އަނެއްކާ ރަނގަޅު” ޒަންޔާ ބުނެލިއެވެ.
“ހިނގާ ހޮސްޕިޓަލަށް.. ނުވާނެއްނު ނުދައްކާ ހުންނާކަށް” ޒަންޔާގެ ބޯ ދޮށައް އަތް ލައްވާލަމުން ވިޝާމް ނަގައިދިނެވެ. އަދި ގައިގާ ލައްކޮށްލިއެވެ.
“ނޫނޭ ހަމަ އޯކޭ މިހާރު.. އަނެއްކާ ހުކުރު ދުވަސް، މިސްކިތައް ދާންވާއިރަށް ނާދެވޭނެ.. ނަމާދު ކޮށްގެން އައީމަ ދާނީ ރަނގަޅު ނުވަންޏާ.. މިހާރު ހަމަ އޯކޭ” ޒަންޔާ ދެކޮޅު ހެދިއެވެ. ވިޝާމް ދޫކޮށްލީ ފުންނޭވާއެކެވެ. ޒަންޔާގެ ކަރާއި ނިތުގައި އައްޖައްސާލަމުން ހުމުގެ އަސަރެއް ހުރިތޯ ބެލިއެވެ. ނަމަވެސް އެކަހަލަ ކަމެއް ނެތުމުން އެންމެ ރަނގަޅޭ ބުނެ ބޮލުގައި ފިރުމާލިއެވެ.
”ދޭ ފެންވަރާލަން.. އެބަ އަންނަން ކޮފީ އެއް ހިފައިގެން..” ޒަންޔާ އެނދުން ތެދުވިއެވެ.
“ނޫނޭ، އަދި އެބެއް ވަގުތު.. ހިނގާ ކޮފީ ބޯން ތިރިއަށް” ވިޝާމް ފާހާނައަށް ވަދެ ތައްޔާރު ވެލައިގެން ނުކުމެ ލައިގެން ހުރި ކަޅުކުލައިގެ ސޯޓު މަތިން ޓީޝާޓެއް ލިއެވެ. ދެމީހުންނަށް ތިރިއަށް ފޭބުނު އިރު ލިވިންގްރޫމު ސޯފާތަކުގައި ހައިކަލްއާއި އާމިލާ ތިބީ ކޮންމެވެސް ވާހަކައެއް ދައްކާށެވެ. އެމީހުންގެ ގާތުގައި އާޝިއުއާއި ޝާއިރާ ތިއްބެވެ. އެދެމީހުންގެ މޫނުތައް ފެނުމާއި އެކު ވިޝާމްގެ މުށްކެވުނު އަތް ޖީބަށް ކޮށްޕާލިއެވެ. ހާއްސަކޮން ޝާއިރާއެވެ. ރުޅިގަދަވެގެން ވެ ހުރެ ވެސް ހިންދިރުވާލަން މަޖުބޫރުވީ ޒަންޔާ އޭނާގެ އަތުގައި ހިފާލުމުންނެވެ.
“ދަރިފުޅާ ހޭލައިފިންދޯ.. “ވިޝާމް ފެނުމުން އާމިލާ ގޮވާލިއެވެ. ޒަންޔާގެ މޫނަށް ބަލާލާފަވެސް އެއްޗެއް ނުބުންޏެވެ. އެކަން ފާހަގަވެގެން ހައިކަލް ވެސް އާމިލާގެ އަތުގައި ކޮއްޓާލިއެވެ.
ވިޝާމް ބޯޖަހައިލުމަށް ފަހު ކާކޮޓާރީގެ ތެރެއަށް ވަނެވެ. އޭނާއަށް ތައްޔާރު ކޮފީއާއި ތާޒާ އޮރެންޖު ޖޫސްތައްޓެއް ހިފައިގެން ޒަންޔާ ވެސް މޭޒު ދޮށުގައި އިށީންދެލިއެވެ.
“ކޮބާ ދޮންބެ ދައްތަ ހަބަރެއް ވިތަ؟” ދޮރާއި ދިމާލަށް ބަލައިލަމުން ވިޝާމް އަހައިލިއެވެ. ޒަންޔާ ދެފަރާތައް ބޯހޫރުވާލީ ނޫނެކޭ ބުނެފައެވެ.
“މިހާރު މިމަޑުކުރަނީ ދޮންބެ ހުކުރަށް ދާންދެން.. އޭރުން ދޮންބެދައްތައާއި ވާހަކަ ދައްކާލެވޭނެ ފަސޭހައިން.. ރޭގަ ބުނި ދޮންބެ ކައިރީގަ ބުނާނަމޭ.. ހެނދުނު ދިމާވެގެން ޝެޑީ ބުނި އޭނަވެސް ގުޅީމޯ ދޮންބެ ނުފެނިގެން،.. އެކަމަކު ފޯނެއް ނުނަގަޔޯ.. ދެޓް މީންސް ދޮންބެ އާއި ވާހަކަ ދެއްކީ ކަންނޭގެ” ޒަންޔާ ބުނެލިއެވެ. ވިޝާމް ވެސް ބޯޖަހައިލިއެވެ.
“ދެން ކޮން އިރަކު ބާ ރިޒަލްޓްސް ލިބެނީ؟” ޝާއުގުވެރިވެފައި އިނދެ ވިޝާމް އަހާލިއެވެ.
“އެހެންވެ އަސްލު މިހޯދަނީ.. ހީވަނީ މިރޭ ނޫނީ މާދަމާގެ ވަގުތެއްގަ ލިބޭނެހެން” ޒަންޔާ ބުންޏެވެ.
“އަސްލު ކިހިނެތްތަ ތިމީހުން އެކަން ތިކުރީ.. އައި ވޮންނަ ނޯ” ވިޝާމް އެހިއެވެ.
“އެމީ ރޮވުނު ގަޑީގަ ހިތައް އެރީ ކޮންމެވެސް ކަމެއް ކުރަން އެބަޖެހެއޭ.. އަބަދު އެމީ ރޯތަން ދެކެން ހާދަ ދެރަވެއޭ.. އެހެންވެ ވިސްނަމުން ގޮސް އައި ހިޔާލެއް މިއީ، ޑީއެންއޭ ހަދާފަ ރިޒަލްޓްސް ނަގައިގެން މަންމަމެންނާއި ހަމައަށް ދާން.. އެމީގެ އެއްވެސް މެމޮރީޒްއެއް ނާންނާތީވެ އެހިފައިގެން އެމީ ކައިރިއަށް ދިޔަޔަސް އެއްވެސް ފައިދާއެއް ނުކުރާނެ.. ހައްތަހާ ބޮޑު ވޭނެއް އެމީއެއް ދެވޭނީ.. މަންމަމެންނަށް ހަގީގަތް އެނގުނީމަ އެމީ މިގެއަށް ގެންނާނީ… މިގޭ ފެނުނީމަ ވެސް އެމީ އެބުނަނީ ޒާތަކަށް ފްލޭޝްބެކްސް އަންނަ ވާހަކަ.. ސޯ އުޅެން ފެށީމަ މެމޮރީޒްތައް އައުމަށް ފަސޭހަވާނެއޭ ދޮންބެދައްތަ ވެސް ބުނީ.. ދިސް އިޒް މައި ޕްލޭން..”
” މަންމަ އަހަރެންނާ ވާހަކަދެއްކި އިރުވެސް ބުނި، އެމީ ފެނުނީމާ ހާދަ ގާތް ގޮތެއް އިހުސާސްވެއޭ. ގައިމުވެސް މަންމަމެންނަށް އެމީ ފެނުނީމާ ހިތަށް ގޮތެއްވާތީތާ އެހެން އެ ބުނަނީ. އަދި އެންމެންނަށްވެސް އެނގޭނެ އެމީއާ ހެދި މަންމަ އުޅޭ ގޮތް. އެހެންވެ އަހަރެން ކުރި ކަމަކީ އެމީގެ ބޮލުން އިސްތަށިކޮޅެއް ނެގީ. ދެން ދޮންބެދައްތައަށް މެސެޖުކޮށްފައި ޑީއެންއޭ ހަދާ ވާހަކަ ބުނީމާ، ދޮންބެދައްތަ ބުނީ މަންމަ ނޫނީ ބައްޕަގެ ސާމްޕަލެއްވެސް ބޭނުންވާނެއޭ. ރޭގައި ޝެޑީ ފޮނުވައިގެން އެކަންވެސް ކޮށްފިން. ދެމީހުންގެ އިސްތަށި ވަކިވަކި ކޮތަޅަށް އަޅާފައި، ޓެސްޓު ހަދަން މިއަދު ފަތިހު ފޮނުވައިފިން. މިއަދަކީ ހުކުރު ދުވަހަށް ވިޔަސް، ދޮންބެދައްތަ ބުނީމާ އެމީހުން އެކަން އެބަކޮށްދޭ. ބުނީ ވީހާވެސް އަވަހަކަށް ނަތީޖާ ދޭނަމޭ” ޒަންޔާ ކިޔައިދިނެވެ. އޭނާ ވާހަކަ ދެއްކީ ކިރިޔާ ވިޝާމްއަށް އަޑު ފޯރާހާ މަޑުންނެވެ. އެއިން އެންމެ ޖުމްލައެއް ވެސް އިތުރުމީހެއްގެ ކަންފަތައް އިވޭކަށް ބޭނުމެއް ނުވިއެވެ.
“ވިޝާމް ހުރިގޮތުން ހެލްޕްއަކަށް ވެސް ބުނަން ނުކެރުނީ.. އެކަމަކު ބުނަންތަ ވާހަކަ، އަހަރެމެން ވީކްވެގެން އެމީ މިގެއަކަށް ނުގެނެވޭނެ.. ވީ ނީޑް ޓު ބީ ސްޓްރޯންގް.. އެނގޭ ދެރަވާނެކަން އެމީ ފެނުނީމަ ވެސް.. އެކަމަކު އެމީ މާ ދެރަވާނެ.. އެމީ ހަމައެކަނި ގޯ ތުރޫކުރަނީ މިކަމަކާއެއްނޫން” ޒަންޔާ ވާހަކަ ދެއްކިއެވެ. އެކަންތައްތައް ވިޝާމްއަށް ވެސް ވިސްނެއެވެ. ނަމަވެސް އެ އަންހެންކުއްޖާގެ މޫނަށް ދެވޭ އެންމެ ނަޒަރަކުން ވެސް އޭނާ ބަލިކަށިކޮށްލަނީ ނުހަނު އަވަހަށެވެ. ދެރަވަނީއެވެ. އެއީ އަމާޔާކަން ޔަގިންވީ ނަމަވެސް އަދިވެސް ހުރަސްނުކުރެވޭހާ ބޯ ފާރަށް ވަނި އެދެމެދުގައި ހުރަސްލެވިފައެވެ. ދެމީހުންގެ ވާޙަކަ ހުއްޓުނީ އެތެރެއަށް އާމިލާއާއި ނާޔާ ވަދެގެން އައުމުންނެވެ. އާމިލާއާއި ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ނާޔާގެ މޫނުން ހިސާބެއްގެ މޮޅިވެރިކަމެއް ދެމީހުންނަށް ވެސް ފާހަގަވިއެވެ. ލޮލުގެ އިޝާރާތުން ނާޔާ ދައްކާލާފައި ވިޝާމް ތެދުވީ ކޮފީ ޖޯޑު ހުސްވުމުންނެވެ. އޭރު އަދި ޒަންޔާ ޖޫސްތަށީގައި ތުންވެސް ޖަހާނުލައެވެ.
“ޒަން ތި ހުސްކުރަންވާނެ..” ކާކޮޓަރިން ބޭރަށް ނުކުމަންނަމުން ވިޝާމް ގޮވާލިއެވެ. ޒަންޔާ ބޯޖަހައިލިއެވެ. އޭރު ނާޔާ ވެސް އާމިލާއާއި އެކު މޭޒުދޮށުގައި އިށިންދެލިއެވެ.
“ޒަން ޔޫ އޯކޭ؟ ޔޫ ލުކް ޕޭލް؟” ޒަންޔާގެ މޫނަށް ބަލައިލަމުން ނާޔާ އަހާލިއެވެ. ކުޑަ ހިނިތުންވުމަކާއި އެކު ޒަންޔާ އަހައިލިއެވެ. އެހިނދު އާމިލާ ވެސް ބަލާލައިފިއެވެ. ކުޑަކޮން ހިނިތުންވެލަމުން ޒަންޔާ އުޅުނީ ޖޫސްތަށިބޯލެވޭތޯއެވެ. އެހެނަސް ފުރަތަމަ ކޯވަރާއި އެކުވެސް ޒަންޔާއަށް ހީވީ ކުނިވެފައިވާ އެއްޗެއްގެ ރަހަ އަނގައިގާ ލީހެންނެވެ. ދޮވައިގެން ދިޔަ ވަހާއި ބޮލަށް އެރި އެނބުރުމާއި އެކު އޯކަށް ދަމައިގަނެވުނެވެ. ދުވެލާފައި އެބައިން ބޭރަށް ނުކުމެވެން ހުރި ދޮރާއި ހަމައަށް ދެވުނު އިރު ހޮޑުލެވިއްޖެއެވެ. އޭނާގެ ފަހަތުން އާމިލާ ދުވެފާ ކަހަލަ ގޮތަކަށް އައެވެ. ނާޔާ ވެސް އައެވެ. ހިތްހަރުކޮށްގެން އުޅުނު ނަމަވެސް ޒަންޔާގެ ހާލަތު ފެނުމުން އާމިލާއަކަށް ދުރަކު ނުހުރެވުނެވެ.
“ދަރިފުޅާ ކިހިނެތް ތިވީ” އާމިލާ ހާސްވެފައި ހުރެ ވާހަކަ ދެއްކިއެވެ. ޒަންޔާއަކަށް ވާހަކައެއް ނުދެއްކުނެވެ. ހޮޑުލެވެމުން ގޮސް ހުއްޓުމަކަށް އައީ ބަނޑު ހުސްވިފަހުންނެވެ. އޭރު މުޅިކުއްޖާއަށް ދިޔައީ މާނޭވާ ލެވެމުންނެވެ. ހިނގާލާނެ ހިތްވަރު ވެސް ނެތިގެން އަރިއަޅާލާ ގޮތްވިއެވެ. ނަމަވެސް އާމިލާ ހިފެހެއްޓުމުން ކޮޅަށް ހުރެވުނެވެ.
“ޖޫސް އެކްސްޕެއަރ ވެފަތަ؟” ޒަންޔާއަށް ވެގެން ދިޔަގޮތް ފެނި ކައްކާ ބައިގެ ތެރެއިން ނުކުތް ކައްކާ ވެސް ހުރީ ކަންބޮޑުވެފައެވެ.
“ނޫނޭ، ފްރެޝް ޖޫސް އެއީ.. ކިހިނެތް މިހާރު؟ ބޯ އަނބުރާތަ؟ ހޮޑު ލަވާތަ؟” ޒަންޔާ ގޮނޑީގައި ބައިންދަމުން އާމިލާ މިފަހަރު ވާހަކަ ދެއްކީ ހެވިފައި ހުރެއެވެ. ހީވަނީ ޒަންޔާއަށް އައި ބަދަލު އޭނާއަށް ފަހުމްވީހެންނެވެ.
“އަދިވެސް ބޮލަށް ގޮތެއް ވެފަ ހުންނަނީ.. ގޭސްޓްރިކް ކަންނޭގެ” ޒަންޔާ ބުނެލިއެވެ.
“ނޫނޭ ގޭސްޓްރިކެއް ނޫން ތިއީ” ނާޔާއަށް ވެސް ހުރީ ހެވިފައެވެ. “ހިނގާބަ ރޫމްއަށް، އިންނާނެ ކިޓްއެއް” ޒަންޔާގެ އަތުގައި ހިފާ ގޮނޑީން ނަގަމުން ނާޔާ ވާހަކަދެއްކިއެވެ. އެހިސާބަށް ބުނުމުން އޭނާއަށް ވެސް ރެއަކާލިއެވެ. އެކަމާއި ދެކޮޅު ހަދަން އުޅެފައި ވެސް ޒަންޔާ ވިސްނާލީ މައްސަރުދުވަސްކޮޅު ލަސްވެފައި ވާކަން ހަދާންވެފައެވެ.
“ވާނުވާ އަންގާލައްޗޭ.. މަންމައަށް ދެން ނޭވާ ލެވޭނީވެސް ތިވާގޮތެއް އެނގުނީމަ” އާމިލާގެ މޫނުމަތިން އުފާވެރިކަން ހިނދުކޮޅަށް ވެސް ނުފިލައެވެ. ބޭރަށް ނުކުތީ ހީވާގޮތުން ހައިކަލްއަށް އެހަބަރު ދޭށެވެ. ނާޔާގެ ފަހަތުން ޒަންޔާ މިސްރާބު ޖެހީ އެކޮޓަރިއަށެވެ. ޔުމާން މިސްކިތައް ދިޔަ ހަބަރު ނާޔާ ދިނުމުން،ޒަންޔާ އަށް ވާޙަކަ ދައްކަން ފުރުސަތު ލިބުނެވެ.
“ދޮންބެ ކައިރީގަ ކިއުނުތަ؟” ޒަންޔާ ސުވާލާއިއެކު ނާޔާއަށް ދުކޮށްލެވުނީ ފުން ނޭވާއެކެވެ.
“ޔާހް ކިއުނު.. ވަރަށް ރޮވުނު ރޭގަ.. ނުވެސް ނިދާ އެއުޅެނީ.. އެހާ ޝަކުވާ ވެސްކުރި .. ބުނީ ކީއްވެހޯ ނުބުނީ އެންމެންނަށް އެނގުނުއިރު.. އަހަރެން ކިޔައިދިނިން އެންމެންނަށް އެނގުނުގޮތާއި އަދި ސިއްރުކުރަން ޖެހުނު ގޮތްވެސް.. ވަރަށް ގިނައިރު ވާހަކަ ދެއްކިފަހުން ހަމައަކަށް އެޅުނީ..”ނާޔާ ބުންޏެވެ.
“ވިޝާމް ވެސް އެހެން.. އެކަމަކު އަހަރެންގެ ޕްލޭން ރޭގަ ކިޔައިދިންފަހުން އެހެރީ ހަމައަކަށް އެޅިފަ.. ބުނީން އޭނާ ކައިރިގަވެސް އެމީ މިގެއަށް ގެނެވޭނީ ވަރަށް ހިތްވަރުކޮށްގެންނޭ” ޒަންޔާ ވެސް ބުނެލިއެވެ. ނާޔާވެސް ލުއި ހިނިތުންވުމަކާއި އެކު ބޯޖަހައިލިއެވެ. މައްޗަށް އެރި ވަގުތު ވެގެން ދިޔައީ މިސްކިތައް ދިއުމަށް ވިޝާމް ނުކުތްވަގުތަށެވެ. ރީތި ހިނިތުންވުމެއް ރައްދުކޮށްލާފައި އޭނަ ދިޔައެވެ.
“ޕޮޒިޓިވް ވެއްޖެއްޔާ ރަނގަޅު ސަޕްރައިޒެއް ދޭންވާނެ މީނައަށް” ވިޝާމް ދިޔަ މަންޒަރު ބަލަން ހުރެފައި ލާނެތް ހިނިތުން ހިނިތުންވުމަކާއި އެކު ނާޔާ ބުނެލިއެވެ. ޒަންޔާވެސް ހިނިގަނޑެއް ޖަހާލަމުން އެ ކޮޓަރިއަށް ވަނެވެ.
ދެ އަންހެންކުދީން މައްޗަށް އަރައިގެން ދިޔަ މަންޒަރު ބަލަން ހުރެފައި މަންހާ ނުކުތީ އެ ބައިގެ ސިޑީގެ ބިއްދޮށުންނެވެ. ދެއަތް މުށްކަރުވާލެވިފައިވާ ވީ އިރު އޭނާގެ މޫނު ރަތްކަމުން ހީވަނީ އަލިފާން ކަނި ބުރަމުން ދާހެންނެވެ.
ޔަނާލްއާއި އެކު އުޅެފައި މަންހާ ގެއަށް އައީ އިރުކޮޅެއް ކުރީންނެވެ. ކާބަޔަށް ވަންނަން އުޅެފައި ވެސް ނާޔާއާއި ޒަންޔާ ތިބުމުން ފޫހި ވައްތަރެއް އަނގަޔަށް ޖައްސާލައިގެން ހުރެ އޭނާ މައްޗަށް އެރީ އެތަނަށް އެވަގުތު ވަންނަ ހިތް ނުވެގެންނެވެ. މައްޗަށް އެރިގޮތައް ވިޝާމް ފެނިގެން އެތާގައި ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. މޮޔައެއް ހެން ހެވިފައި ހުރެ ވިޝާމްގެ މޫނަށް ބަލަން ހުރި އިރު އޭނާއަށް ދުރުބަލައިލަން ވެސް ހަނދާން ވީ ވިޝާމް އަޅައިވެސް ނުލާ ދިއުމުންނެވެ. އެހާ ހެނދުނާ އަމީރާ ފެނުމުން ވެފައި ހުރި ފޫހި ދެގުނަވީ ވިޝާމްގެ އެއަމަލުންނެވެ. އެންމެފަހުން ކޮޓަރިއަށް ވަންނަން ދިޔަހިނދު ނާޔާމެންގެ އަޑަށް އޭނާ އެތާގައި މަޑުކުރީއެވެ.
“މިހާރު މި ބިޗ* ޕްރެގް؟ ވަޓް ދަ ފަ*! އަނެއްކާ ކޮން ޕްލޭނެއްގެ ވާހަކަތަ އެ ދައްކަނީ؟ އަދި ބުނެފިއެއްނު އަމީރާ މިގެއަށް މިގެންނާށޭ، ހަހް! ލާހިކެއްނޫން މަގޭ ދުނިޔޭގަ ހުއްޓަ އެކަން ކުރާކަށް!” އައިސް ހުރި ގަދަ ރުޅިއާއި އެކު މަންހާ ދިޔައީ ތުރުތުރު ލަމުންނެވެ. އަވަސް ފިވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކޮށްލަމުން އޭނާ ތިރިއަށް ފޭބިއެވެ. ސިޑީގެ އެންމެ ތިރީ ހަރުފަތުގައި ފައިޖެހުމާއި އެކު ދުންޖަހާފައި ގޮސް ވަނީ ޝާއިރާގެ ކޮޓަރިއަށެވެ.
“އޭތް މަންހާ!” މަންހާ ކޮޓަރިއަށް ވަދެގަތް ބާރުމިނުން ޝާއިރާ ދިޔައީ ސިއްސައިގެންނެވެ. އެނދުމަތީގައި އިށީނދެގެން އިން ޝާއިރާ، ކޮޅަށް ތެދުވެފައި ވީކިހިނެއްތޯ ސުވާލުކުރީ ހައިރާންކަމާއެކުގައެވެ.
“އަހަރެމެންގެ ރޭވުންތައް ތިހާ ލަސްލަހުން ކުރިއަށްދަންޏާ، އަތަށް ގޮވައި މުޅި މަންޒަރު ބަދަލުވެދާނެ! ކަންތައްތައް މިދަނީ ވަރަށް ގޯސްކޮށް” މަންހާ ހުރީ ނުތަނަވަސްވެފައެވެ. އޭނާގެ ދެފައި އެއްތާކު ނުޖެހެއެވެ. މުޅި ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައިރު، ނިތްކުރިން ދާތިކިތައް ފާޅުވާން ހުއްޓެވެ.
“ކިހިނެއްވެގެންތަ ތިއުޅެނީ؟ ވެގެން އުޅޭ ގޮތެއް ސާފުކޮށް ކިޔައިނުދީ ތިހެން އެނބުރުނަކަސް ވާނުވާއެއް ނޭނގޭނެއެއްނު” ޝާއިރާ ނުރުހުމާއެކު ބުންޏެވެ. ދެކޮޅަށް ހިނގާ ވަރުބަލިވުމުން، މަންހާ އެނދުމައްޗަށް ޖެހިގަތެވެ. އެއަށްފަހު، ދެންމެ އޭނާގެ ކަންފަތަށް އިވުނު ހުރިހާ ވާހަކަތަކެއް އަކުރުން އަކުރަށް ކިޔައިދިނެވެ. ވާހަކަ ނިންމާލުމަށްފަހު މަންހާ ބަލައިލީ ޝާއިރާގެ މޫނަށެވެ.
ޝާއިރާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. ދެއަތް މުށްކަވާލައިގެން އިންއިރު، އެ ހަށިގަނޑުގެ އެތެރޭގައި ރޯވެ އަނދައިގަތް ރުޅިވެރިކަމުގެ އަލިފާންގަނޑުގެ ހައިބަތު އަންދާޒާކޮށްލަން ވެސް ދައްޗެވެ. މަންހާ ދެއްކި ހުރިހާ ވާހަކައަކަށްވުރެ ބޮޑަށް ޝާއިރާގެ ރުޅިގަނޑު ހިލުނީ އަމީރާ އެ ގެއަށް ގެންނަން އުޅޭ ހަބަރު ދިނުމުންނެވެ. އޭނާގެ ހަޅޭކުގެ އަޑު އެ ހަތަރު ފާރުގެ ތެރޭގައި ގުގުމައިގަތެވެ. ޝާއިރާއަށް ވެފައި ހުރިގޮތުން މަންހާގެ މޫނުން ވެސް ފެންނަނީ ޖެހިލުންވުމެވެ. ޝާއިރާ އައިސް މަންހާގެ ކައިރިއަށް ތިރިވެލިއެވެ. އެހެން އިނދެފައި އޭނާގެ ފޯނު ނަގައި ކޮންމެވެސް މީހަކަށް މެސެޖެއް ކޮށްލިއެވެ. ދެން އިންތިޒާރު ކުރަން ފެށީ އެކޮޅުން ދޭނެ ޖަވާބަކަށެވެ. ދެފައި ތަޅުވާލަ ތަޅުވާލަ އިނެވެ. އިންތިޒާރުގެ ނިމުން އައީ މިނެޓެއްގެ އިރު ފާއިތުވެގެން ދިޔަ ފަހުންނެވެ.
“ޓުރަސްޓް މީ، ދި ޓާސްކް އިޒް އޯލްރެޑީ ހާފްވޭއި ފިނިޝްޑް” މެސެޖު ކިޔާލި އިރު، ރުޅީގެ ސަބަބުން ޝާއިރާގެ މޫނުމައްޗަށް ވެރިވެފައި ހުރި ރަތްކަން ފިލައިގެންދިޔައެވެ. ފޯނު ތިރިކޮށްލި އިރު ނުރައްކާތެރި ވިދުވަރެއް އެދެލޮލުގައި ވިއެވެ. އެހެން އިނދެފައި ޒާތަކަށް ހީލިއެވެ.
**
މޫނު ދޮންނަ ތަށީގެ އަތްގަނޑުގައި ހިފާލައިގެން ހުރެ ޒަންޔާ ބަލައިލީ އަތުގައި އޮތް ‘ޕުރެގްނަންސީ ޓެސްޓް ކިޓް’އަށެވެ. އެއިން ދެއްކި ރަތްކުލައިގެ ހިމަ ދެ ރޮނގު ކޮޅު ފެނި އިޙްތިޔާރެއް ނެތި ރޮވިއްޖެއެވެ.
“އަލްހަމްދުއްލިއްލާހް، އަލްހަމްދުލިއްލާހް” ކަރުނަތަކާއި އެކުވެސް އޭނާއަށް ހީލެވުނެވެ. އެހިފައިގެން ބޭރަށް ނުކުންނަން ދިޔައީ ވީ އެންމެ އަވަހަކަށް ވިޝާމްއަށް އެހަބަރު ދޭށެވެ. ނާޔާ ބުނިހެން ކުޑަކޮން ތަޅުވާލާފައި އެހަބަރު ދޭންބޭނުންވީ ނަމަވެސް، ހެނދުނުގެ ފަހުން މިހާރު ތިން ފަހަރަށް ހޮޑު ލެވިއްޖެއެވެ. އިތުރަށް މަޑުނުކޮށް ވިޝާމްގާތު ބުނަން ބޭނުންވީ ވެސް އެހެންވެއެވެ.
ފާހާނައިން ބޭރަށް ނުކުތް އިރު ވިޝާމް ބެލްކޮނީގައި އުޅޭ އަޑު އިވެއެވެ. މިސްކިތުން އައިގޮތައް، މަސައްކަތު މީހަކާއި އެކު އޭނާ އުޅެމުން ދިޔައީ ބެލްކޮނީ ސާފްކުރުމުގައި ނުހަނު އަވަދިނެތިއެވެ. ބޯކޮން ވާރޭ ވެހުމުގެ ސަބަބުން ބެލްކޮނީގެ ހިޔާނުކޮށް އޮތް ބައިގާ ނުހަނު ބޮޑަށް އޮތީ ފެން ހަރުލާފައެވެ. އެވަގުތުވެސް ވާރޭގެ އަސަރު ކުރާތީ މީހާ ހުރީ ވާރެއާއި ތެމި ފޯވެގެންނެވެ. ދޮރުގައި ލަތްވެގެން ހުރެ ޒަންޔާ ބަލައިލީ ވިޝާމްގެ މޫނަށެވެ. ދިގުވެފައިވާ އިސްތަށިގަނޑާއި ފޯވެ ތަތްލަވާފައި އޮތްގޮތުން ނުހަނު ރީއްޗެވެ. އެމަންޒަރު ފެނި އޭނާ ދައްކަން އައި ވާހަކައިގެ މަތިން ވެސް ހުރެވުނީ ހަނދާން ނެތިފައެވެ. އޭނާ ފެނުމުން ކަންނޭގެއެވެ. މަސައްކަތު މީހާއަށް ވިޝާމް ކޮށްލި އިޝާރާތަކާއި އެކު އޭނާ ނުކުމެގެން ދިޔައެވެ.
“ހަމަ އެހާވެސް އަހަރެން ރީތީ ތަ؟” ޒަންޔާގެ ކުރިމައްޗަށް ހުއްޓި އެ މޫނަށް ފެންކޮޅެއް ބުރުވާލިއެވެ. ދެނޭ ކިޔާ ކުސްތަޅާލަމުން ޒަންޔާ މޫނު ފުހެލިއެވެ. ވިޝާމް ހިނިގަނޑެއް ޖަހާލަމުން އެތެރެއަށް ވަދެ ތެމިފައިވާ ޓީޝާޓު ހަށިގަނޑާއި ވަކިކޮށްލިއެވެ.
“ވިޝާމް އެބައޮތޭ ވާހަކައެއް ދައްކަން ވެފަ.. އާދެބަލަ ” ޒަންޔާ އަދި ވެސް ހުރީ އެއް އަތް ފުރަގަހަށް ލައިގެންނެވެ. ޒަންޔާގެ އަޑަށް ވިޝާމް ހުރިހާ ސަމާލުކަމެއް އޭނާއަށް ހުސްކޮށްލިއެވެ.
“ކިހިނެތް ވީ ދޫންޏާ؟ ބޮލުގަ ރިއްސަނީތަ؟” ޒަންޔާގެ ކޮލުގައި ހިފާލަމުން އަހައިލި އިރު އޭނާގެ އަޑަށް ކަންބޮޑުވުން ވެރިވެއްޖެއެވެ.
“އަނބުރަނީ، ހޮޑުލެވެނީ” ޒަންޔާ މަޑުމަޑުން ޖަވާބުދިނެެވެ.
“ޒަންން، ކީއްވެ ނުބުނީ.. ހިނގާ ހޮސްޕިޓަލަށް.. މިއަންނަނީ ޓީޝާޓެއް ލައިގެން” ވިޝާމް ތެޅިގަނެފައި ދިޔައީ އަލަމާރިއާއި ދިމާލަށެވެ. ޒަންޔާއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ. އޭނާވެސް ވިޝާމްގެ ފަހަތައް ހުއްޓިފައި މެދުހަށީގައި ބައްދާލިއެވެ. އެހެން ހުރެ އޭނާގެ އެއް އަތްދަމާލަމުން ‘ކިޓް’ ދައްކާލިއެވެ. ވިޝާމް ތެޅިގަނެފައި ދުރަށް ޖެހިލެވުނެވެ. ހަމަ އެހާ އަވަހަށް އޭނާ، ޒަންޔާގެ ކުރިމައްޗަށް ވާޙެން އެނބުރިގަތެވެ.
“ވަޓް؟” ޒަންޔާގެ ދެކޮނޑުގައި ހިފާލެވުނުއިރު ވިޝާމްއަށް ހުރެވުނީ ދެލޯ ބޮޑުވެފައެވެ.
“އައި ގެސް، އަމް ޕްރެގްނަންޓް” އޭނާ ލަދުރަކި ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
“އޯ މައި ގޯޑް، ޒަންން.. އަޅޭ.. ތޭންކިއު ސްވީޓްހަރޓް.. ކޮންކަހަލަ އުފާވެރި ސަޕްރައިޒްއެއް ތިދިނީ” ވިޝާމްއަށް އުފަލުން ގޮސް ޒަންޔާގެ ހަށިގަނޑުގައި ބާރަކަށް ބައްދާލެވުނެވެ. އޭރު ޒަންޔާގެ ދެލޮލުގައި ވެސް މުތީތަކެއް ފަދައިން އުފާވެރިކަމުގެ ކަރުނަތައް ވިދަމުންދިޔައެވެ.
“ތޭންކިއު ސޯ މަޗް.. ތޭންކިއު…އައި ސުވެއަރ މިއީ އަހަރެންގެ ހަތާވީސް އަަހަރުވީ ހަޔާތުގަ އައި އެންމެ އުފާވެރި ދުވަސް” ވިޝާމް އަދިވެސް ޒަންޔާގެ ގައިން ދޫނުކޮށްލައެވެ.
“މީޓޫ.. އަމް ސޯ ހެޕީ.. އެކަމަކު ވިޝާމް، އަވަސްތަ؟”
“ނޫނޭ .. އެހެން ހިތައް ނާރުވާ..އަވަހެއް ނޫން.. އާހްހް ޒަން، ފައިނަލީ ބައްޕައަކަށް ވަނީ” ވިޝާމް އުފާވެފަ ހުރިވަރުން ޒަންޔާއަށް ވެސް ހީލެވުނެވެ. ޒަންޔާގެ މޫނުގައި ބޮސްދެމުން ދިޔައިރު އެ ދެލޮލުން ފައިބަމުން ދިޔަ އުފާވެރިކަމުގެ ކަރުނަތައް ޒަންޔާގެ މޫނަށް ވެސް އިހްސާސްވަމުން ދިޔައެވެ.
“އެނގޭތަ ޒަންއަށް ފުރަތަމަ ހޮޑު ލެވުނީ ޖޫސް ބޯން އިންދަ، އެގަޑީގަ މަންމަ ވަރަށް އެހީވި.. ވަރަށް ލޯބިން ވާހަކަ ދެއްކީ ވެސް.. ޒަން ހީކުރީ މަންމަގެ ސިފައިގަ ހުރި ގޯސްޓެއް ކަމަށް.. އެހެންނު ވާނީ އެގަޑީގަ ވިޝާމްއާއި އެއްކޮން ފުރަތަމަ ފެނުނު ގަޑީގަވެސް ދުރު ވިއްޔަ ބަލަންފެށީ” ޒަންޔާ ބުނެލި ހިނދު ވިޝާމް ޖަހައިލީ ހިނިގަނޑެކެވެ. މާގިނައިރު ޒަންޔާ ކޮޅަށް ނުބަހައްޓުވަން އެނދުގައި ބައިންދާލިއެވެ.
“ހާސްނުވޭ، މަންމައަށް އަދި ދައްކާނަން މަންހާގެ ޓުރޫ އެޓިޓިއުޑް.. ”
“ނޫން އެއްޗެއް ނުބުނާތި.. މަންމަ އަސްލު އެއީ ހަމަ އެންމެ ބެސްޓް.. މިހުރިހާ ކަމެއް ނިމޭއިރު މަންމައަށް ބުނެދޭކަށް ނުޖެހޭނެ، ފެންނާނެ މަންހާގެ އަސްލު ކުލަވަރު.. އަދި މަންމަ ބުންޏޭ ޓެސްޓް ހަދާލާފަ ބުނާށޭ.. އެކަމަކު މިހާރު މިހިތައް އަރަނީ ޑޮކްޓާރއަށް ދައްކާލާފަ އައިސް ދެ މަންމަ ކައިރީގަ ވެސް ބުނަން” ޒަންޔާ ބުނެލިއެވެ. ޒަންޔާގެ ބޮލުގައި ފިރުމާލަމުން ވިޝާމް ބޯޖަހައިލިއެވެ.
****
ހޮސްޕިޓަލުގެ ދަންފަޅި ނިމުމުން އިރަމް ގެއަށް އައީ ބަހުގައެވެ. އެވަގުތު އޮތީ ވާރޭ ހުއްޓާފައެވެ. ނަމަވެސް މެދުނުކެނޑި މުޅި ދުވަހު ވާރޭ ވެހުމުގެ ސަބަބުން ބައެއް މަގުތަކުގައި ނުހަނު ފެންބޮޑެވެ. ބަހުގައި އައިއިރުވެސް ދެތިން މަގަކުން، ޕަމްޕް ބޭނުންކޮށްގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންދާތަން ފެނެއެވެ. ކަންފަތަށް ޖަހާފައިވާ އިއަރޕޮޑުން އިވެމުންދިޔަ މަޑުމައިތިރި މިއުޒިކަށްވުރެ ބޮޑަށް، އޭނާގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވަނީ ފޯނުން ސަދަފް ކުރަމުންދިޔަ މެސެޖުތަކަށެވެ. އޮފީސް މަސައްކަތް ބުރަކަމުން މިއަދު އިރަމް ބަލާ ނުދެވުމުން ސަދަފް ދިޔައީ މާފަށް އެދެމުންނެވެ.
“އިޓްސްއޯކޭއޭ.. ކޮން ކަމެއް ތިކުރަނީ މިހާރު؟” ރީތި ހިނިތުން ވުމެއްގައި އިނދެ އިރަމް މެސެޖް ކޮށްލިއެވެ.
“މި ނިމުނީ ހަމަ އޮފީހުން.. ދެދުވަސް ފަހުން އޮންނަ މީޓިންގްއަކަށް ރިސޯޓަށް ދާންޖެހޭތީ ކުޑަކޮށް ތައްޔާރުވެލީ.. އެބަދަން އިނގޭ ތިގޭ ކައިރިއަށް.. ނުކުންނައްޗޭ” ސަދަފްގެ ޖަވާބު އައެވެ. އިރަމްގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން އިތުރަށް ފުޅާވެގެން ދިޔައެވެ.
“ދެން ވަރުބަލިވެފައެއްނު ހުންނާނީ.. މިރޭ އަވަހަށް ނިދާލާ” އިރަމް ލިޔެލިއެވެ.
“ދެން އަހަންނަކަށް ނުނިދޭނެ އެންނު ތި މޫނުކޮޅު ނުފެނިއެއް.. މިދަނީ އެނގޭ” ސަދަފް ބުނެލިއެވެ. އެމެސެޖު ދެތިންފަހަރު އިރަމްއަށް ކިޔާލެވުނެވެ. ހިތުގައި ކުޅެލީ ފޮނި ރާގެކެވެ. ހުރިހާ ދަތެއް ފެންނަވަރަށް ހީލެވުނެވެ.
ފޯނަށް ބަލަން އިނދެފައި އިރަމް އިސްއުފުލާލީ، މީހަކު މާ ވަރަކަށް އޭނާއަށް ބަލާހެން ހީވެގެންނެވެ. އެ ބަލައިލުން ފާހަގަވާތާ އިރުކޮޅެއް ވެފައިވީ ނަމަވެސް، ސަދަފްގެ މެސެޖުތަކަށް ގެއްލިފައި އިނުމުން ކުރިން އަޅާނުލެވުނީއެވެ. އިރަމްއަށް އިނދެވުނީ އެންމެ ފަހަތުގައެވެ. އޭނާ އިން ސީޓާއި ކުރިމަތިވާނެހެން ތަންކޮޅެއް ދުރުގައި އިން މީހަކު ލޮލުގައި އަޅައިގަތެވެ. ކަޅުކުލައިގެ ހޫޑީއެއް ލައިގެން އިން އިރު އެކުލައިގެ ތޮއްޕަކާއި މާސްކެއް އަޅާފައި ހުރުމުން ދެލޯ ނޫން އިތުރުތަނެއް ނުފެނެއެވެ. އެ ދެލޮލުގެ ތޫނު ނަޒަރު ހުރީ ސީދާ އިރަމްގެ މޫނަށެވެ. އެބައިގާ އޭނާ ނުލާ ތިބީ ދެތިން މީހެކެވެ.
އިރަމް ފުރަތަމަ އަޅާނުލާ އިނީއެވެ. ނަމަވެސް ބިރުގަންނަން ފެށީ އިތުރު ދެ މަންޒިލަށް ހުއްޓުމާއި އެކު އެހެންމީހުން ފައިބައިގެން ގޮސް އޭނާ އެކަނި ވުމުންނެވެ. އިނދެވުނީ ވެސް މަތީގައެވެ. މިހާރު ތިރީގައި މަޑުކޮށްލެވުނު ނަމައޭ ހިތައް އެރި އަދަދެއް ވެސް ނޭނގޭއެވެ. އިސްޖަހައިލަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ ތޫނު ނަޒަރުން އޭނާ ރަނގަޅަށް ވެސް ބިރުގަތެވެ. އެންމެ ފަހުން ގެއާއި އެންމެ ކައިރިއަށް އިންނަ ބަސް ހުއްޓިއަށް މަޑުކޮށްލިއެވެ.
ރަނގަޅަށް ނުހުއްޓެނީސް އިރަމް ސިޑީން ފައިބައިފިއެވެ. ބަހުން ނުކުމެވުމާއި އެކު ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އެހިސާބުން ވެސް ގެއަށް ދާން އިރުކޮޅެއް ހޭދަވެއެވެ. އެހެންކަމުން އިރަމް އަވަސްވެގަތީ އަވަހަށް ދިއުމަށެވެ. ފެން ހެދިފައިވާ ހިސާބުތަކަށް ނާރާ އިރަމް މަގު ހުރަސް ކޮށްލިއެވެ. ވިއްސާރަ ވީމަ ކަންނޭގެއެވެ. ފުދޭވަރަކަށް މީހުން ވެސް މަގުމަތީގައި މަދުރެއެކެވެ. ވަކި ހިސާބަކަށް ހިނގުނު އިރަމްއަށް ކަމެއް ފާހަގަވިއެވެ. އެ މަގަކީ އެއްކޮޅަށް ދުއްވާ މަގެއް ކަމުން އުޅަނދެއް އަޔަސް އަންނާނީ އޭނާގެ ކުރިމަތިންތާއެވެ. އޭނާގެ ފަޔަށް އައްޔެއް އެޅެމުން ދިޔައެވެ. އެކަމަކު އެއްވެސް އަޑެއް ނީވެއެވެ. ފުރަތަމަ ހީވި ގޮތެއް ކަމަށް ހަދާފައި ހުއްޓާ އަނެއްކާ ވެސް އެ އަލި އޭނާގެ ފަޔަށް އެޅެން ފެށިއެވެ. ބިރުން ހުރެ ފަސް އެނބުރި ބަލައިލިއެވެ. އެހިނދު ފެނުނު މަންޒަރުން މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އޭނާއާއި މާދުރުނޫން ހިސާބެއްގައި އެހުރީ ބަހުގައި ދެންމެ އޭނާއަށް ބަލަން އިން މީހާއެވެ. ލައިގެން ހުރި ޖީންސުގެ އެއްފަރާތު ޖީބަށް އަތް ޖަހާލައިގެން ހުރިއިރު އަނެއް އަތުގައި އޮތީ ކުޑަވަރެއްގެ ޓޯޗެކެވެ. އެހިނދު ފަޔަށް އަލިއެޅުނުގޮތް ނަގައިގަނެވިއްޖެއެވެ. އިރަމް ބަލަހައްޓައިގެން ހުރުމާއި އެކު އޭގެ އަލި އަޅުވާލީ އިރަމްގެ މޫނަށެވެ. އެމީހާކު ހުރި ދިމާލަށް ވާހެން މަގުބައްތިއެއް އިނުމުން އިރަމްއަށް އެދެލޯ ފެނުނެވެ. ދަންނަ ވައްތަރެއް ވެސް ޖެހިއެވެ. ނަމަވެސް މާގިނައިރު ބަލަހައްޓާއިގެން ހުންނާކަށް ގަސްތެއް ނުކުރިއެވެ. ހިތައް ވެރިވެފައިވާ ބިރުވެރިކަން ހަމައަކަށް އަޅުވާލަމުން ހިނގައިގަތީއެވެ. އޭނާގެ ފިޔަވަޅާއި އެކު ފަހަތުން އައި މީހާގެ ފިޔަވަޅުގެ އަޑުވެސް އިވެންފެށިއެވެ. އެހިސާބުގައިވެސް ތިބީ ދެމީހުން އެކަންޏެވެ.
އިރަމް ހަނދާންވީ މީގެ ދުވަސްގަނޑެއް ކުރީން އޭނާއަށް ދިމާވި ހާދިސާގެ މަތިންނެވެ. ދުއްވައިގަންނަން ބޭނުންވިޔަސް އެ ހިތްވަރެއް ނުކުރެވުނެވެ. މުޅި ކުއްޖާ ބިރުން ތުރތުރު ލާން ފެށިއެވެ. ފޯނުގައިވެސް ހިފަހައްޓާލަން ދަތިވިއެވެ. ނުހަނު ހިތްވަރުކޮށްފައި އޭނާ ސަދަފްއަށް މެސެޖެއް ކޮށްލިއެވެ. ސަދަފް ވާނީ ހުޅުމާލެއަށް އަންނަ މަގުމަތީގައި ކަން ހަނދާންވުމުން މާޔޫސީ ގޮތަކަށް ތުންފިއްތާލެވުނެވެ. އިޔާން ވެސް އަދި ގެޔަކަށް ނާންނާނެ ކަންނޭގެއެވެ. ނަމަވެސް އިޔާންގެ ފޯނަށް އިރަމް ގުޅަން ފެށިއެވެ. ހަތަރު ފަހަރަށް ގުޅި އިރުވެސް ފޯނުނުނަގައެވެ. އަމީރާގެ ފޯނަށް ވެސް އިރަމްގުޅިއެވެ. އޭނާ ވެސް ހަބަރެއް ނުވިއެވެ. ބިރުން ރޮވެން ފެށިއެވެ. ދެން ގުޅާލީ މީރާންއަށެވެ. މީޜާން ފޯނު ނެގުމުން ހިތަހަމް ޖެހުން ލިބުނެވެ. ނަމަވެސް އޭޏާ ވާހަކަ ދައްކާ އަޑު އިވިއްޖެ ނަމަ ހިފަހައްޓާނެހެން ހީވުމުން ފޯނު ކަނޑާލާފައި މީރާން އަށް މެސެޖެއް ކޮށްލިއެވެ. އިރަމްއާއި ނީޝަން ބަހުގައި ދަތުރުކުރުމަށް އަބަދުވެސް މަޖުދާއާއި ނަދީމް އެއްބަސްނުވަނީ އެންމެ ކައިރިއަށް ހުންނަ ބަސް ސްޓޮޕްވެސް ގެޔާއި ފުދޭވަރަކަށް ދުރުވީމައެވެ.
“އިރަމް.. ” އިރަމްގެ ކަންފަތުގައި އެއަޑު ހަރުލައިގެން ދިޔައެވެ. އެއީ އޭނާއަށް ބީރައްޓެހި އަޑެއް ނޫނެވެ. ކޮންމެވެސް ތާކުން، ކޮންމެވެސް ވަގުތެއްގައި އިވިފައިވާ ފަރިތަ އަޑެކެވެ. ނަމަވެސް، ހިތަށް ސަވާރުވެފައިވާ ބިރުވެރިކަމެއްގެ ބޮޑުކަމުން، އެއީ ކާކުގެ އަޑެއްކަން ދެނެގަންނާކަށް އޭނާގެ ސިކުނޑިއަކަށް ފުރުޞަތެއް ނުލިބުނެވެ. ފަހަތުން އަންނަ މީހަކަށް ފެނިދާނެތީ ސިހިސިހި ހުރެ ފޯނު ކަނޑާލަން އުޅުނު ނަމަވެސް، މީރާން މެދުނުކެނޑި ކުރަމުންދިޔަ ކޯލްތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. ދެވަނަ ފަހަރަށް އިރަމްގެ ނަމުން ގޮވާލާފައި އޭނާގެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. އިރަމް ހަށިގަނޑުގައި ހުރި ބާރެއްލާފައި ދުއްވައިގަތެވެ. އެމީހަކު ވެސް އިރަމްގެ ފަހަތުން ދުއްވައިގަތް އަޑުއަޙާފައި ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. މުޅި ހަށިގަނޑުވެސް ތުރުތުރުލަމުން ދިޔަގޮތުން އިރަމްއަށް ހީވީ އޭނާގެ ހޭވެރިކަން ވެސް ފިލާފާނެހެންނެވެ. އިރަމްގެ ނަސީބު ވެސް ދެރައީއެވެ. ކުއްލިއަކަށް ބޯކޮށް ވާރޭ އޮއްސާލައިފިއެވެ. ދުވަމުން ދިޔަވަރުން އޭނާގެ ހަށިގަނޑުން ހަކަތަ ހުސްވެ، ނޭވާ ކޮޅަށް އަންނަން ފަށައިފިއެވެ. ހާސްވެފައި ހުރި ވަރުން، އޭނާއަށް ދެވެނީ ކޮން ދިމާލަކަށް ކަމެއްވެސް ނޭނގެއެވެ. ހީވަނީ އެ ފަހަތުން އަންނަ ނުރައްކާތެރި ހިޔަނި، ކޮންމެ ފަދަ ވަގުތެއްގައިވެސް އޭނާގެ އަތްދަށު ކޮށްފާނެހެންނެވެ.
****
(ނުނިމޭ)
My heart is aching 😩😩emee ah ehen nuhadhaa
Im so happy for zanya and vishama
Ekm erooo ah gotheh nuhadhaathi
Istg my tempo will be looooooossee😭😭
Whennn next 💗💗🥹
Urgh. Dont do this to Emyyy. My heart hurts to seem them like that. Also iru ah dhera gotheh nuhadhahchey. 😭😭😭