“ނުކުމޭ ހުރިތާކުން! އަހަންނަށް އެނގޭ ކަލޭ މިތާގަ ފިލާ ހުރިކަން.. އަހަންނަށް އިހުސާސް ވޭ! ނުކުންނާށޭ!.. ” އެބަރީގެ ފަހަރަކު ދޮރެއް ހުޅުވަމުން ގޮސް ނުފެނުމުން ބިލާލް އިހުނަށް ވުރެން ބާރަށް ހަޅޭއްލަވައިގަތެވެ. ބިލާލް ދޫކޮށްލީ އިޒާން އޮތް ކ ކޮޓަރީގެ ދޮރު އެކަންޏެވެ. އެ ދޮރުގައި އަޅުޥާފައިން ބޮޑު ތަޅު ވެސް ރުއާނާއަށް ފާހަގަވީ އެވަގުތުއެވެ. އިޒާން ހަމަ އެތާގައި އޮތްކަން އެކަމުން އޭނާއަށް ޔަގީން ވެއްޖެއެވެ. އެނޫންނަމަ ބިލާލް އެދޮރު ވެސް ހުޅުވީސްތާއެވެ. އެހެން އިންދާ ދުރުގައި ހުރި ހުރިޙާ ކޮޓަރިއަށް ބެލުމަށްފަހު ރުއާނާ އިން ހިސާބާއި ގާތައް ބިލާލް އަންނަން ފެށިއެވެ. އެހިނދު ހިތުގެ ތެޅުން ދެގުނަވިއެވެ.
“ކަލޭ ރީތި ގޮތުގަ ހަވާލު ވެއްޖެއްޔާ، ފަހަރެއްގަ ދުލެއް ދިނުމާއި ދޭތެރޭގައި ވިސްނާނަން! ރުއާނާ! ނުކުންނާށޭ!” ބިލާލް އަޑުގަދަކުރަމުން އައިސް ހުއްޓުނީ ސިދާ ރުއާނާ އިން ފާރުބުރިއާއި ގާތުގައެވެ. ބިރުން ތުރުތުރުއަޅަމުން ދިޔަ ހިނދު އަނގަމަތީގައި ރުއާނާއަށް އަތް އަޅުވާލާ ބާރުކޮށްލެވުނެވެ.
****
ބިތްތަކުގައި ހަރުކޮށްފައިވާ ދަންމަރުތަކުން ވިހުރެމުންދިޔަ ނުތަނަވަސް އަލިފާނުގެ އަލީގެ ތެރެއިން، ބިލާލްގެ ބިޔަ ހިޔަނި ފެންނަނީ ނާމާން ސިފައަކަށެވެ. ހިތް ރޫރޫ އަޅައިގަންނަ ފަދަ ނުބައި ގޮތަކަށެވެ. ބިލާލް ހުއްޓި ހުރެފައި ކުއްލިއަކަށް ފާރުބުރިމަތީގައި ދެ އަތް އަޅުވާލި އަޑަށް، ރުއާނާގެ މޭގަނޑު އަނގަޔަށް އައި ފަދައެވެ. ސިހުނުވަރުން، އިޙުތިޔާރުން ބޭރުން އޭނާގެ އަނގައިން ނުކުމެގެން ދިޔައީ މަޑު އާހެކެވެ. ބިލާލްއަށް އޭނާ ފެނިއްޖެކަން ޔަގީންވި ހިސާބުން، ކުރިމަތިލާންޖެހިފައިވާ ނިކަމެތި ހާލަތާމެދު މާޔޫސްވެ، އޭނާއަށް ދެލޯ މަރާލެވުނެވެ.
“ހަހް! ކަލޭ މިތާގަ؟” ބިލާލްގެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު ރުއާނާގެ މުޅި ހަށިގަނޑު ތުރުތުރުލައިގަތެވެ. ލަސްލަހުން އިސްއުފުލާ ބަލާލިއިރު، ފާރުމަތިން ބޯ ދިއްކޮށްގެން، ނުބައި ހިނިތުންވުމަކާއެކު ބިލާލް އޮތީ ބަލަހައްޓާއިގެންނެވެ. މާގިނައިރަކު ރުއާނާއަކަށް އެހެންނެއް ނީނދެވުނެވެ. ބިލާލް ކުއްލިއަކަށް ރުއާނާގެ އިސްތަށިގަނޑުގައި ހިފާ މައްޗަށް ދަމައިގަތް ވަރުން، ބައެއް އިސްތަށިތައް ބޯލުން ލުހިގެން ދިޔަ ކަހަލަ ތަދެއް އިހުސާސްވިއެވެ. އޭނާ ފާރުމަތިން ބޭރަށް ބާލަން އުޅުމުގެ ތެރޭގައި، ފާރުގައި ކޭއްތިފައި ނުހަނު ބޮޑަށް ފައި ހަލާކު ލޭ އޮހެން ފެށިއެވެ.
“އާހްހް!” ވޭނީ އާހެއްގެ އަޑާއެކު ރުއާނާގެ ދެލޯ ކަރުނުން ފުރުނެވެ. ނަމަވެސް، ހިތްވަރުކޮށް، އެ ކަރުނަތައް ހިންދާލަމުން އޭނާ ބެލީ ބިލާލްއާއި ކުރިމަތިލެވޭތޯއެވެ. އަމިއްލަ ނަފްސުން ބަލިކަށިކަން ފެނިއްޖެނަމަ، ބިލާލްގެ ރަހުމެއްނެތް ޝިކާރައަކަށްވުމުގެ ފުރުސަތު މާ ބޮޑަށްވެސް ބޮޑުވެގެން ދާނެކަން އޭނާއަށް ވިސްނެއެވެ.
“އެންމެ ބޮޑުވަރަކަށްވެސް ކުރެވޭނެ ކަމަކީ މަރާލުމެއްނު! ދެން ކީއްވެ ތި ހުއްޓުނީ؟” ރުއާނާގެ އިސްތަށިގަނޑަށް ވާންކޮށްގެން ހުރި ބިލާލާއި މުޚާތަބުކޮށް އޭނާ ބުންޏެވެ.
“ކާކު ކަލެއަށް ތި ބާރުތައް ދަސްކޮށްދިނީ؟” ބިލާލް ކޮށްލީ މުޅިން ތަފާތު ސުވާލެކެވެ.
އޭނާގެ މޫނުމަތިން ފެންނަނީ އެ ސުވާލުގެ ޖަވާބު ހޯދަން ބޭނުންވެފައިވާ މިންވަރެވެ. އެއީ އެއްވެސް މީހަކު އުނގަންނައިދިން ކަމެއް ނޫން ނަމަވެސް، ބިލާލް ރުޅިއަރުވާލުމުގެ ނިޔަތުގައި ރުއާނާ މަލާމާތުގެ ހިނިތުންވުމަކާއެކު ޖަވާބު ދިނެވެ. “ކަލޭގެ ބައްޕަ!”
ރުއާނާގެ ޖަވާބު އަހާފައި ބިލާލް އަތުގެ ހަމަލާއެއް ރުއާނާގެ މޫނައް އަރައިގެން ދިޔައެވެ. ތުންފަތް ކައިރިން ފެޅި ލޭ އަންނަމުން ދިޔައިރުވެސް ރުއާނާ އަނެއްކާ ވެސް ޖަހައިލީ ހިނގަނޑެކެވެ.
“މަ ރުޅިއަރުވަން ނޫޅެ ތެދަށް ބުނޭ! ދެންމެ ކަލޭ ހުރި ގޮތުން ހީވީ ބިރުން ގޮސް ފުރާނަ ނިކުމެދާނެހެން. މިހާރު މާ މޮޅުވާން ނޫޅޭ! މަ މިތާ ހުރެ ގޮވާލިޔަސް މީހުން އަންނާނެ. ހަނދާންކުރާތި، އިޒާން އަދިވެސް އޮތީ މަގޭ މުށްތެރޭގަ. ކަލޭ ބުނާ ކޮންމެ ބަހަކީ އިޒާންގެ ފުރާނައާ ކުޅުން ކަހަލަ ކަމެއް. ބިރެއް ނުގަނޭތަ؟” ބިލާލްގެ ވިހަގަދަ މޫނު ރުއާނާގެ މޫނާ ގާތްކޮށްލަމުން، އެ ލޮލުގެ ތެރެއަށް ބަލަހައްޓައިގެން ހުރެ ނުބައި ގޮތަކަށް ބުންޏެވެ. އަނެއްކާ ވެސް ރުއާނާގެ އިސްތަށިގަނޑުގެ ބުޑުގައި ހިފާ ދަމައިގަތެވެ. އޭރު ބިލާލް، އޭނާގެ އަނގަމަތީގައި ޖެހުމުގެ ސަބަބުން އަނގައިން އަންނަމުން ދިޔަ ލޭތައް މޫނުމަތީގައިހޭކިފައި ވިއެވެ.
ބިލާލްގެ އެ ވިހަގަދަ އިންޒާރުތަކުން މިފަހަރު އިވުމުން ރުއާނާ ރަނގަލަށް ވެސް ބިރުގަތެވެ. މުޅި ހަށިގަނޑު ފިނިވިއެވެ. އިޒާންގެ ނަން ކިޔާލުމާއެކު ބިލާލްގެ ތުންފަތްމައްޗަށް ވެރިވި ނުލަފާ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔަގޮތުން، އޭނާގެ ރަހުމެއްނެތް ނިޔަތް ވަރަށް ސާފުކޮށް ހާމަވިއެވެ. ހީވަނީ އިޒާންގެ ފުރާނަ އޮތީ ރުއާނާގެ އިޚްތިޔާރުގައި ކަމަށާއި، އޭނާ ނިންމާ ކޮންމެ ނިންމުމަކީ އިޒާންގެ މަރުގެ ފަލްސަފާއާ ގުޅިފައިވާ ކަމެއްކަން ނުސީދާ ގޮތަކަށް އިންޒާރުކޮށްލި ހެންނެވެ. އެ ބިރުވެރި މާހައުލުގެ ތެރޭގައި ހުރެފައި، ބިލާލް އޭނާގެ ބައިވެރިންނަށް ބާރު އަޑަކުން ގޮވާލިއެވެ. ވަގުތުން، އޭނާގެ އަމުރަށް ކިޔަމަންވާ ވަފާތެރި ހަ ފާރަވެރިއަކުޖަމާވިއެވެ. އެ މަންޒަރު ފެނި، ރުއާނާއަށް ހިންދިރުވާލެވުނީ އޭނާގެ ވަށައިގެންވާ ނާމާންކަން ބޮޑުވެ، ސަލާމަތްވާނެ މަގު އިހުނަށްވުރެން ހަނިކަން އިހުސާސްވުމުންނެވެ.
“ބިލާލް، ބޭރުގެ ހާލަތު ވަރަށް ގޯސް.. އަހަރެމެންނާއި އެމީހުންގެ ހަނގުރާމަ ފެށިގެން އުޅެނީ.. ދެންމެ އަޑު އިވުނު އެމީހުންގެ ބަޔަކު ގަނޑުވަރު ތެރެއަށް ވެސް ވަތް ހަބަރު.. މައުވާ އާއި މިސްވާ އަދި، ނިއަލްގެ އެންމެ ވަފާތެރި ދެ ފާރަވެރިން އަދަން އާއި އާއިދު، އެމީހުންނަށް އެ އެހީ ވަނީ .. ހޫރައިން ވެސް އަތުލައިގަނެފި” އެތަނުން އެކަކު ގާތްވެލާފައި ބިލާލްއަށް ދިން ހަބަރުން ލޭކެކިގަތެވެ. ހުރިހާ ހަބަރެއްގެ ތެރެއިން ވެސް އިތުރަށް ރުޅިގަދަ ވެ ތުރުތުރު އަޅައިގަތީ ހޫރައިން ގެންދިޔަ ހަބަރުންނެވެ. ބިލާލްގެ ދެލޮލުން ހީވި އަލިފާން ކަނި ބުރަމުން ދިޔަހެންނެވެ.
ބިލާލްގެ ހަށިގަނޑުގައި އުތުރި އަރައިގެން ދިޔަ ތޫފާނީ ރުޅި، އަމާޒުވީ ރުއާނާއަށެވެ. އަމިއްލަ ދިފާއުގައި ރުއާނާއަށް ކަމެއް ވެސް ނުކުރެވުނެވެ. ރަހުމެއްނެތި ރުއާނާގެ އަތުގައި ހިފާ ދުރަށް ހޫރުވާލިލެއް ބާރުކަމުން، ވަޔަށް ބުރުވައިލި ލުއި ފަތްކޮޅެއްހެން އޭނާ ގޮސް ޖެހުނީ ހިލަ ފާރުބުޑަށެވެ. އެހިނދު، ހިކި ގަސްކޮޅެއް ބިނދިގެންދާ ފަދަ ބިރުވެރި އަޑެއް މުޅި އެ ހިސާބުގައި ގުގުމާލިއެވެ. އެއީ ރުއާނާގެ ކަނާތުގެ ކަށިގަނޑު މުގުރިގެން ދިޔަ އަޑެވެ. ވަގުތުން މުޅި ހަށިގަނޑު ގަނޑުވިއެވެ. ކުރިން އިވުނު ތޫނު އަޑާއެކު، އޭނާގެ އަތް އެއްވެސް އިޚްތިޔާރަކާ ނުލައި ދިރުމެއް ނެތް ގޮތަކަށް ތިރިއަށް އެލިއްޖެއެވެ. އަތުގެ މަސްގަނޑު ފަޅާލާފައި ކަށިގަނޑު ބޭރަށް ނުކުމެދާނެހެން ހީވި އެ ވަގުތު، ރުއާނާގެ އަނގައިން ބޭރުވީ، ބާރުހުރި ވޭނީ ހަޅޭކުގެ އަޑެވެ. އެއީ ހަމައެކަނި ތަދެއްގެ އަޑެއް ނޫނެވެ. އެއީ އިންސާނަކަށް ކެތްކުރެވޭނެ އެންމެ ފަހު ދަރަޖައިގެ ވޭނުގެ އަޑެވެ. ލިބުނު ސިހުމާއި ތަދުން އޭނާގެ ދެލޯ ބޮޑުވެ، މުޅި މޫނުމަތި ދަލުން ފޯވިއެވެ. ސަލާމަތުން އޮތް ވައަތުން، އެއްވެސް ހަރަކާތެއް ނެތް ބިނދިފައިވާ އަތުގައި ހިފަހައްޓާލައިގެން ބިންމަތީގައި އޮތްއިރު، ބިމުގައި ޖެހުނު ގޮތުން ބަނޑަށް އަރާފައިވާ ދަތުން ހީވީ ނޭވާ އުފުރިގެން ދާން އުޅޭ ހެންނެވެ. ރުއާނާގެ ކޮންމެ ނޭވާއަކާއެކު އެ ވޭން ދިޔައީ ހަށިގަނޑުގެ ކޮންމެ ނާރެއްގައި ހިނދެއް ހިނދަކަށް ގަދަވަމުންނެވެ.
ބިލާލްގެ ފަހަތުގައި ތިބި ފާރަވެރިންގެ ލޯތަކުން އެވަގުތު ކޮންމެވެސް ވަރަކަށް، ރުއާނާއާއިމެދު ހަމްދަރުދީގެ ކުލަވަރު ފާޅުވަމުން ދިޔައެވެ. ނަމަވެސް އެމީހުންގެ ވެރިޔާގެ ކުރިމަތީގައި އެކަމާއި ބެހޭގޮތުން ބަހެއް ބުނާނެ ހިތްވަރެއް އެކަކުގެވެސް ނެތެވެ. ފެންނަމުންދާ މަންޒަރުތަކުން އެމީހުން ތިބީ ހިމޭންވެފައެވެ.
“މިއީ ހަމަ ކަލޭގެ ސުންޕާކަމުގެ ނަތީޖާ! ބުނޭ، ކާކުހޭ ތި ބާރުތައް ބުނެދިނީ؟”ބިލާލްގެ ގުގުމާލި އަޑުގައިވަނީ ރަހުމެއްނެތް ސާފު ހަރުކަށިކަމެވެ. “މިތިބި މީހުން ފެނޭތަ؟ މިއީ މަގޭ އެންމެ އިޝާރާތަކަށް ކޮންމެ ފަދަ ލޭއޮހޮރުވުމެއް ހިންގަންވެސް ތައްޔާރަށް ތިބި ބައެއް! އިޒާންގެ ފުރާނަ ސަލާމަތްކުރަން ބޭނުންނަމަ، ހަމަ މިހާރު ތެދަށް ބުނޭ!” ރުއާނާގެ ގާތައް ތިރިވެ ބިލާލްހިފާލީ ބިނދިފައިވާ އަތުގައއެވެ.
“މަންމާ..އާހްހް!” އެހިނދު އަނެއްކާ ވެސް ރުއާނާގެ ވޭނީ ހަޅޭކުގެ އަޑު އައެވެ.
“ބިލާލް… އެކަކުވެސް… އެކަކުވެސް އަހަ..އަހަންނަކަށް ދަހެއް ނުކޮށްދޭ! އަހަ..އަހަރެން ހަމަ.. ހަމައެކަނި ކަންކުރީ މިސްވާ ބުނި ގޮތަށް…” ކިތަންމެ ހިތްވަރު ކުރި ނަމަވެސް، ހަށިގަނޑުގައި އަޅަމުންދިޔަ ބުރަ ވޭނާއި، ހިތަށް ވެރިވެފައިވާ ބިރުވެރިކަމުގެ ސަބަބުން ރުއާނާއަށް ގިސްލަގިސްލާފައި ރޮވުނެވެ. އޭނާގެ އަޑު ނުކުންނަނީވެސް ކިރިޔަ ކިރިއާއެވެ.
“ގަބޫލެއް ނުކުރާނަން! ބުނޭ، ކާކުހޭ އަހަރެމެންގެ އަމުރަށް ތަބާނުވީ؟” ބިލާލް ކޮޅަށް ތެދުވެފައި ވެއްޓިފައި އޮތް ރުއާނާއަށް ނަޒަރެއް ދިނެވެ. އޭނާގެ ރަހުމެއްނެތް ކޮޅުފައިގެ ބާރު ހަމަލާއެއް ރުއާނާގެ ބަނޑަށް އެރި ވަގުތު، އަނގައިން މިފަހަރުވެސް ތޫލި ހަޅޭކެއްގެ އަޑު ބޭރުވިއެވެ. އެ ބާރު ހަމަލާއާއެކު ރުއާނާ ފުރޮޅިގެން ދިޔައެވެ. ރުއާނާގެ އަނގަޔާއި ނޭފަތުން ލޭގަނޑު އޮހޮރިގެން އައި އިރު ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ކިރިޔަ ދެލޯ ހުޅުވޭކަމެވެ. ތަކުރާރުކޮށް އޭނާ އެ ޖަވާބު ދެމުން ދިޔަ ނަމަވެސް، ބިލާލް ގަބޫލު ކުރަން ހިތައް ވެސް ނާރުވާ ފަދައެވެ. މެދުކެނޑުމެއްނެތި ބިލާލްގެ ދެއަތުން ރުއާނާގެ މޫނަށާއި މުޅި ހަށިގަނޑަށް ދެމުންދިޔަ ރަހުމެއްނެތް ހަމަލާތަކަށް ކެތްނުކުރެވިގެން، އެންމެ ފަހުން ދެމުނެވެ. ސިފަ ވަކި ނުވާވަރަށް ލެއިން ފޯވެފައި ވީ އިރު ލޭގެ ތެރެއިން ވެސް ދެލޮލުން ފޭބި ކަރުނައިގެ ރޮނގު ފާހަގަ ވިއެވެ.
“މިހާރު ދެން ތި ޖައްސަނީ މާ މޮޅު ސްޓަންޓެއް ދޯ! ބިންމައްޗަށް ވެއްޓިގަނެގެން އޮތީމަ، ކަލޭގެ ތި ނިކަމެތި ހާލަށް ރަހުމްކޮށްފައި މަގޭ އަތް ހުއްޓާލާނެ ކަމަށް ހީކުރީތަ؟” ބިލާލްގެ މަލާމާތުން ފުރިގެންވީ ހިނިގަނޑުގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. “ހަހަހަ! ނޫނޭ، ކަލޭގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު، މަގޭ އަތުން ސަލާމަތްވުމެއް ނެތް!”
ރުއާނާ ބިންމަތީގައި ދެމިފައި އޮތް މަންޒަރު ފެނުމުން، ބިލާލް ދަތްކުނޑިވިކާލިއެވެ. އަދި ނުހަނު ބާރަށް ރުއާނާގެ ހަށިގަނޑަށް ފައިން ހަމަލާއެއް ދިނުމަށްޓަކައި ފައި މަޅާލިއެވެ. ނަމަވެސް، އެ ހަމަލާ ރުއާނާގެ ހަށިގަނޑަށް އެރުމުގެ ކުރިން، ކުއްލި ސިހުމަކާއިއެކު ބިލާލްގެ ހަރަކާތް ހުއްޓުނެވެ. އައި ނައި ދިމާލެއް ނޭނގި، ވިދުވަރެއް ފަދަ ހަލުވިމިނެއްގައި ލިއަމް އެ ދެމެދަށް ވަދެގަތެވެ. ލިއަމްގެ ބާރުގަދަ ހަމަލާއެއް ބިލާލްގެ ބަނޑަށް އެރި ވަގުތު، އޭނާ ވިއްސައިގެން ގޮސް މާ ދުރަށް ޖެހުނެވެ. ބިލާލަށް ލިބުނު އަނިޔާއަށްވުރެ ބޮޑަށް، އޭނާ ހައިރާންވެ އަންތަރީސްވީ ލިއަމްގެ އެ ކުއްލި ފެނުމުންނެވެ. އެ ކުއްލި ހަމަލާއިން ބިލާލްގެ ފާރަވެރިންނަށް ވެސް ހުއްޓުން އަރާފައި ތިބެވުނުއިރުމާ ލަސްވެއްޖެއެވެ.
ބިލާލްގެ ފަހަތުން ދިޔުމަށް ވުރެން ލިއަމްގެ ސަމާލުކަން ހުއްޓިގެން ދިޔައީ ލެޔާއި ތަތްތެޅި ބިމަށް ދެމިފައި އޮތް ރުއާނާ ފެނިފައެވެ. ހަނިގޮތަކަށް ހުޅުވިފައިވާ ދެލޮލަށް ލިއަމްގެ ސޫރަ ސިފަވުމާއި އެކު، ފައިބަމުން ދިޔަ ކަރުނުތައް ވީ އިތުރެވެ. ކަރުނުން ރުއާނާގެ ދެލޯ ފުސްވަމުން ދިޔައިރު، ލިއަމް ފެނުމުން ހީވީ އެ މާހައުލުގައި ހުރެވުނީ އޭނާއާއި ލިއަމް އެކަނިހެންނެވެ. ލިއަމްގެ ފަހަތުން އައި ބަޔަކު، ބިލާލްއާއި ބިލާލްގެ އަރިހުގައި ތިބި ފާރަވެރިންގެ ތެރެއަށް ވަދެ، ވަރުގަދަ ހަނގުރާމައަށް ފެށިއިރު، އެ މަންޒަރު ވެސް ރުއާނާއަށް ފެނުނީ ފުސްކޮންނެވެ.
ލިއަމްގެ ރަތްވެފައިވާ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފާހަގަވި ހިނދު، ރުއާނާގެ، ބަޑި ފަޅައިގެން ދިޔައެވެ. ލިއަމް އައި ބާރުމިނުގައި އައިސް ރުއާނާގެ ބޯ ނަގައި އޭނާގެ އުނގުގައި ބޭއްވިއެވެ. އަދި ރުއާނާގެ ހަށިގަނޑު ގަޔާލާ ބާރުކޮށްލިއެވެ. ނަމަވެސް، ބިނދިފައިވާ އަތަށް ލިބުނު ލޮޅުމާއެކު، ވޭނީ އާހަކާއެކު ރުއާނާއަށް ކުރިއަށް ވުރެން ބާރަށް ރޮވުނެވެ. ލިއަމް ސިހިފައި އަވަސް އަވަހަށް ދުރުވެލުމަށްފަހު، ރުއާނާގެ އެލިފައިވާ އަތަށް ބަލައިލިއެވެ. ބިނދި، ދުޅަވެފައިވާ އެ އަތް ފެނުމުން ލިއަމްގެ ހިތް ވެސް ބިރުވެރިކަމުން ތުރުތުރުލައިގަތެވެ. ޖަޒުބާތުތައް އުތުރިއަރަމުންދިޔަ ވަރުން، އެކަކަށްވެސް ދުލުން ބަހެއް ބޭރުކުރެވޭނެ ހިތްވަރެއް ނުލިބުނެވެ. ފާރުގައި ރުއާނާ ލައްކޮށްލަމުން، އިތުރަށް އަތައް ވެފައިވާ ގެއްލުންތައް ދެނެގަންނަން ލިއަމް އުޅުނެވެ.
“އަމް ސޮރީ ލަވް، ލެޓްސް ގޯ” ކުރެހިފައި އަޑަކުން ލިއަމް ބުނެލިއެވެ. އޭނާ އަވަސްވެގަތީ ރުއާނާ ގޮވައިގެން އެ މާހައުލުން ނުކުންނާށެވެ.
“ނޫން.. ނޫން.. އީތަން އާއި އެ އަންހެން ކުއްޖާއަށް އެކަމެއް ނުވާނެ.. އަދި މަޑުކޮށްލެވޭނެ” އަތާއި މުޅިހަށިގަނޑުގައި ކިތަންމެ ވޭނެއް އެޅި ނަމަވެސް ރުއާނާ ވާހަކަ ދެއްކިއެވެ.
“ޔޫ ޝުއާރ؟” ރުއާނާގެ ބޮލުގައި ފިރުމާލަމުން ލިއަމް އަހާލިއެވެ. ރުއާނާ ބޯޖަހައިލިއެވެ. އިތުރަށް ބަހެއް ނުބުނެ ލިއަމް ވެސް އީތަން މެންނާއި ބައިވެރިވިއެވެ. ބިލާލްގެ ހުރިހާ ފާރަވެރިން ބަލިކުރެވުނު އިރު ރާބިއު އާއި އޭނާގެ ދެބައިވެރިން ގޮވައިގެން އަޒްލާން ވެސް އައިސްފިއެވެ. ފަހަތުގައި މިސްވާ ވެސް ހުއްޓެވެ. ރާބިއުއަށް ރުއާނާ ފެނުމުން ދުވެލާފައި އައެވެ.
“ކޮއްކޯ، ނިއަލްގެ ފުރާނަ ދުއްވާލެވިއްޖެއްޔާ ހުރިހާ ކަމެއް ނިމޭނެ… ނިއަލް މަރުވާ ދުވަހަކު މިގަނޑުވަރު ބިމާ ހަމަވާނެ، އެއީ ވެސް އޭނާގެގެ ސިހުރެއް!” އަޒްލާންގެ އަތުގައި ހިފާލަމުން މިސްވާ ބުންޏެވެ.
“ޔަގީން؟” ގަބޫލު ނުކުރެވިފައިޥާ ފަދައަކުން އަޒްލާން އެހިއެވެ. މިސްވާ ބޯޖަހައިލިއެވެ.
“މި ތިބީ އަހަރެންގެ ދެދަރިން.. އަދަން އާއި އާއިދު.. ނިއަލްގެ އެންމެ ވަފާތެރި ފާރަވެރިން.. އެމީހުންނަށް ނޭނގޭ ހަބަރެއް ނުވާނެ” މިސްވާ އިޝާޜާތް ކޮށްލީ ދުރުގައި ތިބި އޭނާގެ ދެދަރިންނަށެވެ. އެދެޒުވާނުން ވެސް އަޒްލާންއާއި ލިއަމް ބަލާލަމުން ބޯޖަހައިލީ މިސްވާގެ ވާހަކަ ތެދުކުރަމުންނެވެ.
“ދޫކުރޭ! މިބުނީނު ދޫކުރާށޭ..ކަލޭމެން އެންމެން މަރާލާނަން!” ބިލާލް ދެއަތުގައި އަދަން އާއި އާއިދު ހިފެހެއްޓި އިރު ލިއަމް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. އެމީހުން ދިން ހަމަލާތަކުގެ ސަބަބުން ބަލިކަށިވެފައި ވީ ވަރުން، އާދަޔާއި ހިލާފަށް ބާރުތަކެއް ލިބިފައި ހުރި ނަމަވެސް ބިލާލަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
” މިސްވާ އެބުނީ ތެދެއްތަ؟ ” ބިލާލްގެ މޫނަށް ގޮށްމުށުގެ ހަމަލާއެއް ދޫކޮށްލަމުން ލިއަމް ހިފާލީ އޭނާގެ ކަރުގައެވެ. ލިއަމްގެ އަޅިލޮލަށް ވެރިވެފައިވާ ރަތްކުލައިން އޭނާގެ ރުޅިވެރިކަން އަންދާޒާކޮށްލެވުނެވެ.
“ނުވެވޭނެ ސަލާމަތެއް!” ބިލާލްގެ ދެވަނަ ޖުމްލައާއި އެކު މިފަހަރުވެސް ލިއަމްގެ ހަމަލާއެއް އޭނާގެ އަނގަމައްޗަށް އަރައިގެން ދިޔައެވެ.
“ކަލޭގެ ބައްޕަ ސަލާމަތް ކުރަން ބޭނުން ވަންޏާ އަހަރެންގެ ބައްޕަ އޮތްތަނެއް ބުނޭ؟ ނޫނީ ނަތީޖާ ވަރަށް ހިތިވާނެ!”
“ނިއަލް ސަލާމަތް ކުރަން ބޭނުން ނަމައޭ؟ ހަހަހަ، ތިހެން ބުނުމުގެ ކުރިން ވެސް ފުރަތަމަ ހަނދާން ކޮށްބަލަ އިޒާންގެ މަތިން! …އިޒާންއާއި ހަމައަށް ނުދެވެނީސް ނިއަލް މަރުވެއްޖެއްޔާ އިޒާން ވެސް އަދި އެވަގުތަކު ގަނޑުވަރުގަ ތިބި އެހެންމީހުން މަރުވާނެ.. މިސްވާ އެބުނީ ތެދެއް، މިތަން ގޮވާނެ! ހަހަހަ!” ބިލާލްގެ ވިހަ ހިނިގަނޑު މުޅި މާހައުލުގައި ހިފިއެވެ. އަނގައިން ފައިބަމުން ދިޔަ ލޭތަކާއި އެކުވެސް އޭނާގެ ފުށުން ބިރުވެރިކަމުގެ މިންވަރެއް ވެސް ފެނުނު ހެން ހިއެއް ނުވެއެވެ.
“ދަރިފުޅާ ، ކީއްވެ ބައްޕަގެ ބަސް ނާހާ ތިއައީ؟ މިއޮތީ ވެފަ އޮތް ވަރު.. ދަރިފުޅަށް ގޮތެއް ވި ނަމަ މަންމައަށް ބައްޕަ ދައްކާނީ ކޮންމޫނެއް!” ރުއާނާ ނަގާ އުގަށްލަމުން ރާބިއު ވާހަކަ ދެއްކިއެވެ. އޭރު އޭނާގެ ދެލޮ ވެސް ވަނީ ފެންކަޅިވެފައެވެ.
“އަހަރެން ރަނގަޅޭ.. ބައްޕާ އެ ކޮޓަރި.. އެކޮޓަރިގަ ލިއަމްމް.. ބައްޕަ” ރުއާނާއަށް ވާހަކަ ދެއްކުނީ ވެސް ރޮވެމުންނެވެ. ނޭވާވެސް ވަނީ އަވަސްވެފައެވެ. ބައެއްފަހަރު ހޭވެރިކަން ފިލާދާން އުޅޭހެންވެސް ހީވެއެވެ. ރުއާނާގެ ވާހަކައިން ރާބިއު އެކަން ލިއަމްއަށް އަންގާލިއެވެ.
“ދޭބަލަ! ލާހިކެއްނޫން ހުޅުވާކަށް! ކޮންބަޔަކަށްތޯ ކާމިޔާބު ލިބެނީ ބަލަން ހުރޭ!ހަހަހަ!” އަދަންގެ ގާތުން ގަދަ ހަދަން މަސައްކަތް ކުރަމުން ވެސް ބިލާލް ދިޔައީ ގަދަބަސް ބުނަމުންނެވެ. އޭނާގެ ހުނުމުގެ އަޑަށް ނުބަލާ ލިއަމް ގޮސް އެ ދޮރު ހުޅުވަން ދިޔައެވެ. ނަމަވެސް ދޮރުގެ ތަޅު ފެނި ލިއަމް ހިސާބަކަށް މާޔޫސްވިއެވެ. ބާވެ ދަބަރަށް ވީ ނަމަވެސް ތަޅުގައި އަޅުވާފައިވާ ބޮޅުފަތި ވެސް ހިއްލާ ނުލެވުނެވެ. އެހާ ވެސް ވަރުގަދައެވެ. ތަޅުގެ ބަދަލުގައި އިނީ ނަންބަރުތަކެއް ހުރި ކުޑަވަރެއްގެ ބޯޑެކެވެ.
“ތިޔާއި ބެހިގެން އޭގެ ގެއްލުން ވެސް ވާނީ ކަލޭމެންނަށް؟ ތިން ފަހަރަށް ވުރެން ގިނައިން ޖަހަން އުޅެފިއްޔާ އެތެރޭގަ ތިބޭ ބަޔަކަށް އޭގެ އަނިޔާތައް ލިބޭނީ، ދޮގެއްތަ އަދަން؟ އާއިދު؟ ހަހަހަ” ލިއަމް ނަމްބަރެއް ޖެހުމަށް އުޅެން ފެށުމުން ބިލާލް ގޮވައިލިއެވެ. ލިއަމް ބަލައިލީ އަދަން އާއި ދިމާލެވެ. އޭނާ މާޔޫސް ވެފައި ހުރެ ބޯޖަހައިލިއެވެ.
“އޭނަ އެބުނީ ތެދެއް.. އެތެރޭގައި ވޭ ކުއްލިއަކަށް ކަރަންޓް ދެވޭ ސްވިޗްތަކެއް.. ތިން ފަހަރަށް އިންނަނީ މި ދޮރުގެ ލޮކު ކޯޑު ޖެހެން.. އެއަށް ވުރެން ގިނައިން ހުޅުވަން އުޅެފިއްޔާ، އެއްކަލަ ސްވިޗްތަކުން އޭގެ ޒާތުގަ އެތެރޭގަ ތިބޭ ބަޔަކަށް ކަރަންޓްގެ އަސަރު ކުރާނެ..މިބުނީ، ފާޑެއްގެ ކަރަންޓު ޝޮކްތަކެއް އޮޓޮމެޓިކްއިން އެމީހުން ގަޔަށް ދޫކުރެވޭނެ.. އަނެއްކޮޅުން ނިއަލްއަށް ވެސް އެނގޭނެ ހުޅުވަން ކޯޑު ޖަހާ ކޮންމެ ފަހަރަކު.. އެއީ އަހަރެމެން ތެރެއިން މީހަކު ވެސް ހުޅުވަން އުޅެފާނެތީ އޭނަ ކޮށްފަވާ ކަމެއް.. އެކަމަކު ވަރަށް ދެރަ، އަހަންނަކަށް ވެސް ނޭނގޭ އޭގަ ޖަހަން ޖެހޭ ކޯޑެއް.” ދެރަވެލާފައި އަދަން ޖަވާބު ދިނެވެ.
އަދަންގެ ވާހަކަތަކުން ލިއަމްގެ ސިކުނޑި ހާސްކަމުން ފުރުނެވެ. ގޮތް ހުސްވެފައިވާ ހާލެއްގައި، ހަށިގަނޑުގައި ހުރި ހުރިހާ ބާރެއްލާފައި އެ ބަރު ދަގަނޑު ދޮރުފަތުގައި އޭނާގެ ގޮށްމުށުން ޖަހާލިއެވެ. މުޅި އެ ހިސާބުގައި ގުގުމައިގެން ދިޔަ ބަރު އަޑުންވެސް ލިއަމްގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމަކަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ހަދާނެ ގޮތެއް ނޭނގި، ފުން ވިސްނުމެއްގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު، ލިއަމް އަނެއްކާވެސް ބިލާލާ ދިމާލަށް ހިނގައިގަތީ ކެކި އަރަމުންދިޔަ ރުޅިއަކާއި އެކުގައެވެ. ބިލާލްގެ ގަޔަށް ބާރު ހަމަލާއެއް ދިނުމަށްޓަކައި ލިއަމް އަތް މަޅާލި ވަގުތު، އަޒްލާން ހުށިޔާރުކަމާއެކު އައިސް ލިއަމްގެ އަތުގައި ހިފާ ހުއްޓުވިއެވެ. އޭރު ލިއަމްގެ ދެލޮލުން ފެންނަނީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ފަދަ ރުޅިވެރިކަމެކެވެ.
“ކާމްޑައުން، ކޮންމެ ވެސް ގޮތަކުން އޭނާގެ ފުށުން ޖަވާބު ހޯދޭނީ ވެސް ސަލާމަތުން ބަހައްޓައިގެން” އަޒްލާން ބުނެލީ އެކަނި ލިއަމްއަށް އިވޭހާ މަޑުންނެވެ.
“ބައްޕަ، އަހަރެން ގެންގޮސްދީބަލަ ދޮރު ކައިރިއަށް..އައި ކެން ޓްރައި”
“ދަރިފުޅަށް ޔަގީންތަ؟” ރުއާނާ ބުނެލުމުން ރާބިއު އެއްސެވެ. އޭނާ ޖަހައިލީ ބޮލެވެ. ރާބިއު ބަލައިލީ އަޒްލާންއާއި ލިއަމްއަށެވެ. އިރުކޮޅަކު ވިސްނާލުމަށް ފަހު ދެމީހުން ބޯޖަހައިލުމުން ރާބިއު ތެދުވެ އަތްދަނޑި މައްޗަށް ރުއާނާ ލިއެވެ. ދެމީހުންގެ ފަހަތުން އީތަން ވެސް ދޮރާއި ގާތައް ދިޔައެވެ.
ރުއާނާ ބަލައިލީ ފުން ނަޒަރަކުންނެވެ. ޖަހަން އިނީ ހަތަރު ނަމްބަރުގެ ކޯޑެކެވެ. ނިއަލް ބޮޑަށް ގާތްކޮށްލައިގެން ގެންގުޅެނީ ބިލާލްއެވެ. ރުއާނާއަށް ވިސްނުނީ ނިއަލް ބޭނުންކުރާނީ ބިލާލްއާއި ގުޅުން ހުރި ކޮންމެވެސް ނަމްބަރުތަކެއް ކަމުގައެވެ. ވަރަށް ވިސްނުމަށްފަހު ބިލާލްގެ އުފަންތާރީހް ޖެހިއެވެ. ނަމަވެސް ޒާތެއްގެ އެލާމެއް އެޅުމަށްފަހު ތަޅުގައި ރަތްކުލައިގެ ފިއް ދިއްލެންފެށިއެވެ.
“ހަހަހަހަ، އަވަހަށް މަރާލާ! އިޒާން މަރާލާ!” އެލާމް އަޅަން ފެށުމުން ބިލާލަށް ހީވީ މާ ވަރުގަދަ ފޯރިއެއް އައި ހެންނެވެ. ގަދައަށް ހެމުން ދިޔައިރު އޭނާގެ މަކަރުވެރި ދެލޮލުން ފެން އަންނަމުން ދިޔައެވެ.
ރުއާނާ މާޔޫސް ވިއެވެ. އޭނާގެ ހަށިން ހަކަތަ ހުސްވަމުން ދިޔައިރުވެސް ނެތް ހިތްވަރު ނެރެމުން އަނެއްކާ ވެސް ބެލީ އިތުރު ނަމްބަރުތަކެއް ޖެހޭތޯއެވެ. މިފަހަރު އޭނާ ޖެހީ އިޒާން އެތަނަށް ގެނައި އަހަރެވެ. އެ ހިޔާލް ދިނީ ރާބިއުއެވެ. ނަމަވެސް އަނެއްކާ ވެސް އެލާމް އަޅަން ފެށިއެވެ. މިފަހަރު ކުރިއަށް ވުރެން ބާރަށެވެ. އެހިނދު އާއިދު އާއި އަދަން ގެ އަތުން ވީއްލިގެން ރުއާނާއާއި ދިމާލަށް ބިލާލް ފޮނުވާލި އަލިފާނުގެ ހަމަލާއެރީ ރުއާނާގެ ގަޔަށެވެ. އެހިނދު އޭނާގެ ހަބަރު ހުސްވެގެން ދިޔައެވެ.
“ރުއާ ނޫންން!” ލިއަމްއަށް ހަޅޭއްލަވައިގަނެވުނެވެ. އާއިދު އާއި އަދަން ތެޅިގަނެފައި ބިލާލް ހިފެހެއްޓިއިރު ދެންތިބި އެންމެންނަށް އާދެވުނީ ރުއާނާއާއި ދިމާލަށެވެ. ރާބިއުއަށް ވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާ ތަކެއް ވެފައެވެ. އޭނާގެ އަތުން ރުއާނާ ދޫވެސް ނުވީ ކިރިޔާއެވެ. ނަމަވެސް ހިތްވަރުކޮށްލަމުން، ރާބިއު ދުއްވައިގަތީ އެތަނުން ނުކުމަންނާށެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ބޭރުން ނިއަލްގެ އަޑު އިވިފައެވެ. އެންމެންގެ މޫނުތަކުން ހާސްކަން ފެނިގެންދިޔައެވެ. އީތަންއާއި މައުވާ ގާތްވެލާފައި ރުއާނާގެ ހާލަތު ބަލަން ފެށިއެވެ.
“ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ދިއުން ބުއްދިވެރީ.. ވަރަށް ބޮޑަށް މިވަނީ ރުއާ ވީކް ވެފަ.. އެކަމަކު މިވަގުތު ބޭރަށް ނުކުތުން ވެސް ފަސޭހަ ކަމަކަށް ނުވާނެ…. ވީ ނީޑް ޓު ޑޫ ސަމްތިންގް” މައުވާ މޫނުމަތީގައި އަޅައިގެން ގެންގުޅުނު ފޮތިގަނޑު ނައްޓާލާފައި ރުއާނާގެ އަތް ނުގުޑާނެހެން، އުނަގަނޑާއި އެކު މަޑުމަޑުން އައްސާލިއެވެ.
އެއްވެސް ހަރަކާތެއް ނެތް އިރު ދޮން މޫނުގައި ލޭގެ އަސަރު ނުވާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. ރުއާނާގެ މޫނުގައި ލިއަމްއަށް އަތް ހިންގާލެވުނު އިރު ވީ ދެރައިން ހިންދިރުވާލެވުނެވެ.
“ޝީ އިޒް ބްރީތިންގް.. އަހަންނަށް ހޫވަނީ ރުއާ މިތާގަ ބާއްވަން ވީހެން.. ވީ ކޭންޓް ގޯ އައުޓް! މިހާ ބޮޑަށް އެންޖަރީ ވެފަ އޮތްވަ ނުކުންނަނިކޮން އެޓޭކެއް އައިސްފާނެ! ” ލިއަމް އިޝާރާތް ކޮށްލީ އެންމެ ގާތައް ހުރި ރުއާނާ އުޅުނު ކޮޓަރިއެވެ. އެހެން މީހުން ވެސް އެހިޔާލަށް ތާއީދު ކުރިއެވެ. އީތަން ބޯ ޖަހާލާފައި އެކޮޓަރީގެ ތެރެއަށް ވަނެވެ. ނަމަވެސް ރުއާނާ ހޯދަން އުޅުމުގެ ތެރޭގައި އެތާގެ ހުރިހާ އެއްޗެއް ވަނީ ބިލާލް ސުންނާފަތި ކޮށްލާފައެވެ. އެނދު ވެސް ބޭނުން ނުކުރެވޭވަރަށް ވަނީ ހަލާކު ކޮށްލާފައެވެ. ތަޅުންމަތީގައި ހުރި ބާލީސްތައް ގެނެސް ގާތްގާތުގައި ބޭއްވީ ދޮރުކައިރީގައެވެ. ބާލީސްތަކުގެ މަތީގައި ރުއާނާ ބާއްވާފައި ރާބިއު މަޑުކޮށްލީ ބޭރުން އަންނަ މީހަކަށް، ދޮރާއި ގާތުގާ އެތެރޭގައި އޮތް ރުއާނާ ނުފެންނާނެ ހެންނެވެ.
ލިއަމްގެ ކޮނޑުގައި ޖަހާލަމުން އަޒްލާން އައިސް ހުއްޓިލީ ތަޅު ކައިރީގައެވެ. އޭނަ ވިސްނަމުން ދިޔައީ އެތަން ހުޅުވޭނެ ގޮތަކާއި މެދުގައެވެ. އިރުކޮޅެއްފަހުން ހިޔާލަށްއައެވެ.
” އައި ހޭވް އޭން އައިޑިއާ. މޭބީ އައި ކެން ކޮންޓްރޯލް ވަޓްސް ހެޕެނިންގް.. އޭރުން ދޮރުގަ މިހާރު މިހުރި ބާރު ވެސް ހީވަނީ ކޮންމެ ވެސް ވަރަކަށް ކުޑަވާނެ ހެން.. މްމް، ލިއަމް.. ދޮރަށް ގޮތެއް ހެދޭނެ ތަ؟” އަޒްލާން ބަލައިލީ ލިއަމް އަށެވެ.
“އައި ކެން ޓްރައި”ލިއަމް ބުނެލިއެވެ. ލިއަމްއަށް އެހީވުމަށް އާއިދު އައިއިރު އީތަން މަޑުކޮށްލީ ބިލާލްގެ ކުރިމަތީގައެވެ. އަނެއްކޮޅުން ދޮރުގެ ދެވަނަ އެލާމަށް، ދުރުން އަންނަމުން ދިޔަ މީހުންގެ އަޑު މާ ގާތުން އިވުނެވެ. އެންމެންގެ ތެރެއިން ވެސް ނިއަލްގެ އަޑު ފާޙަގަ ވިއެވެ. އެކަން ރަނގަޅު ގޮތަކަށް ނުނިމޭނެކަން އެނގުމުން ލިއަމް އެކަން އަދަން އަށް އަންގާލިއެވެ. މައުވާ ވެސް މަޑުކޮށްލައިގެން ހުރީ އީތަންއަށް އެހީވުމަށެވެ. އޭނާގެ ނަޒަރު ދޭތެރެއަކުން އަދަންއަށް ދަތުރުކުރެއެވެ. ނިއަލްގެ އަޑާއި އެކު ބިލާލްގެ ގަދަހެދުން ވެސް ކުރިއަށް ވުރެން ބޮޑެވެ. މިސްވާ ގެނެސް ރުއާނާގެ ގާތުގައި ބެހެއްޓިއެވެ. އަދި ރާބިއު ވެސް ތައްޔާރުވެލިއެވެ.
އަޒްލާން ފުން ނޭވާއެއް އެތެރެއަށް ދަމައިލުމަށްފަހު، އެ ބިޔަ ދަގަނޑު ދޮރުގެ ކުރިމައްޗަށް ހުއްޓިލިއެވެ. އަޒްލާން މަސައްކަތް ފެށީ އެއީ ކިހާ ވަރެއްގެ ކަމެއް ކަން އެނގިހުރެއެވެ. އެދޮރަކީ އާދައިގެ ދަގަނޑެއް ނޫނެވެ. އެއީ ސިހުރުގެ ބާރުން ގަދަކޮށް، ބިލާލްގެ ނުރައްކާތެރި އުކުޅުތަކުން ބައްދާފައިވާ ހުރަހެކެވެ. އޭނާގެ ދެލޯ މަރައިލި ހިނދު، މުޅި މާހައުލުގައި އުފެދިފައި ވާހާ އަޑަކާއި ހަލަބޮލިކަން އޭނާގެ އިހުސާސުތަކާއި ވަކިވެ، ހަމަހިމޭންވި ކަހަލައެވެ. އޭނާގެ އިނގިލިތަކުގެ ކުރިން ކަޅުކުލައިގެ ދުންގަނޑެއް ހިމަ ރޮނގެއްހެން ނުކުތެވެ. އެ ދުމުގެ ތެރެއިން ވިދުމެއް ހުރި އަލިތަކެއް ވެސް ނުކުމަތެވެ. އަޒްލާންގެ ހަށިގަނޑުން ނުކުތް އެ “ވޮއިޑް” ނުވަތަ ހުސްކަމުގެ ބާރު، ދަގަނޑު ދޮރުގެ ވަށައިގެންވާ ހިސާބުގައި ވަކި ހިއްޕާލިއެވެ. އޭނާގެ ބާރުން ދޮރުގެ ތެރޭގައި ހުރި އިލެކްޓްރޯނިކް ނިޒާމާއި، ސިހުރުގެ ބާރުން ބައްދާފައިވާ ބޮޅުފަތިތަކުގެ ބަރުދަން ކުޑަކޮށްލަން މަސައްކަތް ކުރިއެވެ. އަޒްލާންގެ މޫނުމަތިން ދާތިކިތައް ފާޅުވާން ފެށިއިރު، އޭނާގެ ދެލޯ ހުޅުވައިލިއެވެ. އޭރު އޭނާގެ ކަޅިއަށް ވަނީ ކަޅު ރަތް ކުލައެއް ވެރިވެފައެވެ.
“ލިއަމް، މިހާރު! މިއަށްވުރެ ބޮޑަކަށް މީގެ ބާރު އަހަންނަކަށް ކުޑައެއް ނުކުރެވޭނެ!” އަޒްލާންގެ އަޑު ނުކުތީ ކަރުބުޑުންނެވެ. އޭނާއަށް ދިޔައީ މާނޭވާ ލެވެމުންނެވެ.
ލިއަމް އަތުގެ އިނގިލިތަކުގެ ދޭތެރެއިން ގަދަ ރަންކުލައިގެ އަލިފާނުގެ އޮއިވަރެއް ދޮރުގެ ތަޅާއި ބޮޅުފަތިތަކަށް އަމާޒުކުރިއެވެ. އަޒްލާން ދޮރުގެ ބާރު ކުޑަކޮށްލާފައި ހުރުމުގެ ސަބަބުން، ލިއަމް ފޮނުވާލި އަލިފާނުގެ ހޫނުން ދަގަނޑުތައް މަޑުވެ، ދިޔާވާން ފެށިއެވެ. މުޅި ހިސާބުގައި ހަރުލައިގެން ދިޔައީ ދަގަނޑު ވިރޭ ވަހެވެ. ނިއަލް މެންގެ ހަމަލާއަކަށް ތައްޔާރުވެގެން ދުރުގައި ހުރެވެސް އީތަން ދިޔައީ، ލިއަމްއަށް އެހީވުމުގެ ގޮތުން އަލިފާނުގެ ހަމަލާތައް ދޮރަށް ދެމުންނެވެ. އެކަމުގެ ސަބަބަން ދޮރު ވިރެން ފެށިއެވެ.
އެވަގުތު ބިލާލް، އަދަން އާއި އާއިދުގެ އަތްދަށުން ގަދަކަމުން ނެއްޓި، ލިއަމްމެންނާ ދިމާލަށް ދުއްވައިގަތެވެ. “ނުވާނެ ތިކަމެއް!” ބިލާލް ހަޅޭއްލަވައިގަންނަމުން އޭނާގެ އަތުން ކަޅު ދުންގަނޑެއް ފޮނުވާލަން އުޅުނެވެ. ނަމަވެސް ރާބިއު ހުށިޔާރުކަމާއެކު އައިސް ބިލާލްގެ ކަރުގައި ހިފައި ބިމާއި ހަމަކޮށްލިއެވެ.
“ކަލޭގެ ދުވަސް ހަމަވެއްޖެ!” ރާބިއު ބިލާލްގެ ބޯ ބިންމަތީގައި ފިއްތާލިއެވެ.
ކުއްލިއަކަށް ކޮރިޑޯގެ އަނެއްކޮޅުން ނިއަލްގެ ބާރު އަޑު އިވުނެވެ. “ހުއްޓާލާ!” ނިއަލް އޭނާގެ އަތުން ބިޔަ އަލިފާން ބޯޅައެއް އަޒްލާންމެންނާ ދިމާލަށް ފޮނުވާލިއެވެ. ނަމަވެސް އީތަން އާއި މައުވާ އެ ހަމަލާގެ ކުރިމައްޗަށް އެރިއެވެ. އީތަންގެ ކަނޑިން އެ އަލިފާން ބޯޅަ މެދުން ދެފަޅިކޮށްލާ އޭގެ ބާރު ނައްތާލި އިރު، މައުވާ އޭނާގެ ހަލުވި ދުވެލީގައި ގޮސް ނިއަލްގެ ކުރިމައްޗަށް ހުއްޓި، ހަމަލާދޭން ފެށިއެވެ. އީތަން އާއި މައުވާ އަދި އަދަން ވެގެން ނިއަލްގެ ފަހަތުން އައި އޭނާގެ ފައުޖުގެ އެންމެން މަރަން ފެށިއެވެ. ކަނޑި އާއި އަލިފާނުގެ ވަރުގަދަ ހަމަލާތަކުން އެމީހުން މަރާ ހުސްކުރެވުނު އިރު ތިންމީހުންގެ މޫނުމަތިން ވެސް ވަރުބަލިކަން ފެނެއެވެ. ނަމަވެސް ތިބީ އަޒުމުގައެވެ.
ދަގަނޑު ދޮރު ވިރެމުން ގޮސް އެތެރެއަށް ވަދެވޭ ވަރަށް ދޮރުން ހަލާކުވިއެވެ. ބާރު އަޑަކާއެކު ދޮރު ހުޅުވުނެވެ. އެވަގުތު އަޒްލާން ހަޅޭއްލަވައިގަތެވެ.
“ލިއަމް! ދޭ އެތެރެއަށް! އިޒާން ސަލާމަތްކުރޭ! ނިއަލްގެ ކަންތައް އަހަރެން ނިންމާލާނަން!”
ލިއަމް ވަގުތުން އެތެރެއަށް ދެމިގަތެވެ. އަޒްލާން އެނބުރިލީ ނިއަލްއާ ދިމާލަށެވެ. އަޒްލާން އޭނާގެ ބާރު ބޭނުންކޮށްގެން ނިއަލް ވައިގެ ތެރެއަށް ހިއްލާލިއެވެ. ނިއަލްއަށް އެއްވެސް ހަރަކާތެއް ނުކުރެވި، ފަޒާގެ ތެރޭގައި ރަނގަޅަށް ވެސް ތަޅުލެވުނެވެ. “ކަލޭގެ އަނިޔާވެރިކަން މިއަދު ނިމުމަކަށް އަންނާނެ،” އަޒްލާން މަޑުމަޑުން ބުންޏެވެ. އޭނާގެ އަތް މުށްކަވާލުމާއެކު، ނިއަލްގެ ހަށިގަނޑުގެ ވަށައިގެންވާ “ޕްރެޝަރު” އާދަޔާޚިލާފަށް ބޮޑުވިއެވެ. ނިއަލްގެ އަނގައިން ލޭ އަންނަން ފެށިއެވެ. އަޒްލާން އޭނާގެ ހުރިހާ ބާރެއް ބޭނުންކޮށް، ނިއަލްގެ ހަށިގަނޑު އެތެރެއަށް ފިއްތާލީއެވެ.
ލިއަމްގެ ހިތްވަނީ އަވަސްވެފައެވެ. ކޮޓަރީގެ އެންމެ އެތެރޭގައި، ބިމުގައި ހިލިހިލާއިން ބަނދެފައި އޮތް އިޒާން ފެނުމާއެކު ލިއަމްގެ ދެލޯ ފެންކަޅިވިއެވެ. ގިނަ ދުވަސްވީ ނަމަވެސް އެ ސޫރަ ނޯޅުނެވެ. ދިގުވެފައިޥާ އިސްތަށިގަނޑު ކޮނޑާއި ހަމައަށް އޮތްއިރު ތުންބުޅިވެސް ނުހަނު ދިގެވެ. އެއްވެސް ތަރުތީބެއްނެތެވެ. މޫނުމަތިން ފެންނަނީ ވަރުދެރަކަމާއި ބަލިކަށިވެފައިވާ މިންވަރެވެ. އެ މަންޒަރު ފެނި ލިއަމްއަށް ރޮވިއްޖެއެވެ. އެހެން ނަމަވެސް މާޔޫސްވެ އެހެން ހުންނާނެ ވަގުތެއް ވެސް ނެތެވެ. އޭނާގެ ކަނޑީގެ އެންމެ ހޫލައަކުން އެ ބަރު ހިލިހިލާތައް ބުރިކޮށްލުމަށްފަހު، އިޒާން އަތްދަނޑިމައްޗަށް އުފުލާލިއެވެ. އިޒާންގެ ލޯ ރަނގަޅަށް ނުހުޅުވެއެވެ. ލޯބިވާ ދަރިފުޅުގެ އިޙްސާސް ކުރެވުނީ ކަންނޭގެއެވެ. މެރިފައިޥާ ދެލޮލަކާއި އެކުވެސް އިޒާންގެ އަތްތިލަ ލިއަމްގެ އަތްމަތީގައި މަޑުމަޑުން ފިރުމާލިއެވެ.
“ބައްޕާ އަދި ކުޑަ ހިތްވަރެއް” ލިއަމްއަށް ގޮވާލެވުނެވެ. އިޒާންގެ ދެލޮލުގެ މިޔަކަނުން ތިކިޖަހާލައިފާވާ ކަރުނުތަކާއި އެކުވެސް އެސްފިޔަތަޅުވާލިއެވެ.
ދެބަފައިންނަށް ނުކުމެވުނު އިރު ރާބިއު ހުރީ ބިލާލް ރަނގަޅަށް ހިފަހައްޓާލައިގެނެވެ. ބިލާލްއާއި ގާތައް އަޒްލާން އައިސް މަޑުކޮށްލީ ވަރުދެރަވެފައި އޮތް ނިއަލް ގޮވައިގެންނެވެ. ބިލާލްގެ ކުރިމައްޗަށް ލެއިން ކަޅިވެފައި އޮތް ނިއަލް އަޒްލާން ވައްޓާލީ އެއްވެސް ރަހުމެއް ނެތިއެވެ. އަޒްލާންގެ މޫނުން ފެންނަ ހަމައެކަނި ދެލޮލުން ވެސް ކާމިޔާބީގެ ވިދުން ފާހަގަ ވެއެވެ.
“ކޮބާ ރުއާ؟” ރުއާނާއާއި މިސްވާ އަދި މައުވާ ފެންނަން ނެތުމުން ލިއަމްއަށް އެހުނެވެ. ރުއާނާގެ ހާލަތު ގޯސްވުމުން، ގޮވައިގެން މައުވާ ނުކުންނަން ދިޔަހަބަރު ދިނީ ރާބިއުއެވެ.
އަޒްލާން ލިއަމްގެ އަތުން ކަނޑި އަތުލައިގެން އައިސް މަޑުކޮށްލީ ވެއްޓިފައިޥާ ނިއަލްގެ ގާތުގައެވެ. އެހެން އިނދެ ބިލާލްގެ މޫނަށް ބަލައިލިއެވެ.
“އަހަރެންގެ ބައްޕަގެ ގައިގަ އިނގިލި ކުރި ޖައްސާލިއަސް ކަލެއަށް ހޭ އަރުވާލާނަން! ދުރުގަ ހުރޭ!އޭތް!” އަޒްލާން ކަނޑި ނަގަ ނިއަލްގެ ކަރުގައި ޖައްސާލާ ފިއްތާލި ހިނދު ބިލާލް ކަރުބުޑުން ހަޅޭއްލަވައިގަތެވެ.
“ކީއްވެ މަޑު ކުރަންވީ! އަހަރެނގެ މުޅި އާއިލާ ބަރުބާދު ކޮށްލީ އެ އިބިލީސް.. މަންމަގެ ދިރިއުޅުނު ހަލާކުކޮށް.. މަންމައާއި ބައްޕަ ނުހައްގުން ގެނެސް މިތާގަ ބަންދުކޮށް، ނުވިތާކަށް ޒައްޔާންގެ މަންމަ ވެސް މަޜާލީ.. އެހުރިހާ ކަމެއް ބާއްވާފަ ކަލޭ ބުނެބަލަ، އަމިއްލަ މައިމީހާގެ ހަނދާން ކަލޭ އެބަހުރިތަ؟ މި ނުލަފާ ޖަނަވާރު ރުއާއާއި ކަލޭގެ މަންމައަށް ޖެއްސީ ކޮން ހާލެއް.. ކުރި ހުރިހާ އަނިޔާތަކައް ފަހު އެ ފަކީރު ލޯ މަތީގަ ފެންނަން ހުރީމަ ވެސް އުފާވެއްޖެ.. ކަލޭގެ އެ ޖަނަވާރު ބައްޕައަށް ބަލާފަ އަހަރެން ނުޖެހޭނޭ ފަހަތައް ޖެހޭކަށް.. ކިތައް ފުރާނަ ގެއްލިއްޖެ.. ކިތައް އާއިލާއަށް ގެއްލުން ދެވިއްޖެ.. އަދިވެސް ވީ ކަލޭމެންނަށްތަ ނަސްރު ލިބެން! ނޫނޭ! ނޫނޭ! މިޙާރު ވާވަރު ވެއްޖެ!” ލިއަމްގެ އަޑު ގުގުމާލި އެވެ. ބިލާލްގެ ހިތައް އެއްޗެއް އެރިހެން ހިއެއް ނުވެއެވެ. އެހުރިޙާ ވާހަކަ އެއް ލިއަމް ދެއްކުމުން ވެސް ނިއަލް ދޫކޮށްލަން އޭނާ އިންޒާރުދޭން ފެށިއެވެ.
“އޭތްތް! ދުރަށް ދޭ!އޭތްތް! ބައްޕާ!” ހަޅޭކާއި އެކު ބިލާލް ރޮއިގަތީ އަޒްލާން ދެން ކޮށްލިކަމަކުންނެވެ.
ލިއަމްގެ އިޝާރާތާއި އެކު އަޒްލާން، ނިޔަލްގެ ބޯ ކަނޑިން ވަކިކޮށްލިއެވެ. އެހިނދު ދުނިޖަހާފައި މުޅިތަނަށް ކަޅު ލޭގަނޑު ފެތުރިއްޖެއެވެ. ލޭތަކުގެ ތެރެއިން ނިއަލްގެ ބޯ ނަގާފައި އަޒްލާން އެއްލީ ބިލާލްއާއި ދިމާލަށެވެ. އެހިނދު ބިލާލް ރޮއިގަތް ގޮތުން ހީވީ ދުނިޔެއިން މޮޔަވެފައިޥާ މީހެއްހެންނެވެ. ދެވަނަ ސިކުންތުގައި ނިޔަލްގެ ހަށިގަނޑަށް އެއްލި އަލިފާން ބޯޅައަކާއި އެ ހަށިގަނޑުގައި އަޒްލާން ރޯކޮށްލިއެވެ. އެއާއި އެކު ނިއަލްގެ ފުރާނަ ނެތް ހަށިގަނޑު އެ އަލިފާނުގެ ތެރޭގައި ރަނގަޅަށް ވެސް އަނދަން ފެށިއެވެ. ބިލާލް ބަލަބަލާ ހުއްޓާ ފެނުނު އެ މަންޒަރުން ތުރުތުރު އަޅައިގަތެވެ. ދެން އަޒްލާން ދިމާކޮށްލީ ބިލާލްއާއިއެވެ. އެހެނަސް ދެން ވެގެން ދިޔަ ގޮތުން އެކަމަށް ނުކުޅެދުނެވެ.
ފުރަތަމަ އިވުނީ ގަނޑުވަރުގެ އެންމެ ފުނުން އައި ބަރު ގުގުމުމެއްގެ އަޑެވެ. އެއާއެކު، ގަނޑުވަރުގެ ބިޔަ ތަނބުތަކުގައި ބޮޑެތި ރެނދުތައްލައި، ކުދިކުދި ބައިތައް ބިމަށް ފޭބިއެވެ. ފާރުތަކުގައި ކުރަހާފައިވާ ނުރައްކާތެރި ސިހުރުގެ ނިޝާންތައް، ކަޅު ދުންގަނޑަކަށް ބަދަލުވެ، ވައިގެ ތެރެއަށް އުދުހިގަތީ އެތަނުގެ ބާރު ކެނޑުނުކަން އިއުލާންކުރަމުންނެވެ.
“އަވަސް ކުރޭ! ނުކުމޭ! މިތަން ބިމާއި ހަމަވަނީ!” އެ މަންޒަރު ފެނި ލިއަމްއަށް ހަޅޭއްލަވައިގަނެވުނެވެ.
ލިއަމް، އިޒާން އަތްދަނޑިމައްޗަށް ލައިގެން ބާރަށްދުވަމުން ދިޔައިރު، އޭނާގެ ފަހަތުން ސީލިންގުގެ ބޮޑެތި ބައިތައް ވެއްޓެމުން ދިޔައީ ބިރުވެރި އަޑުފަށަކާއެކުގައެވެ. ކުޑަދޮރުތަކުގެ ބިއްލޫރިތައް އެއްފަހަރާ ތަޅައިގެންގޮސް، ބޭރުގެ ފިނި ވައިރޯޅިތައް ގަނޑުވަރުގެ ތެރެއަށް ވަދެގަތެވެ. ބިންގަނޑު ގުޑަމުންދިޔަ ވަރުން، ފިޔަވަޅެއް އެޅުމަކީވެސް ބޮޑު އިމްތިހާނަކަށް ވިއެވެ. ގަނޑުވަރުގެ މައި ގޭޓާ ހަމައަށް އެންމެންނަށް ފޯރުނު ވަގުތަކީ، އިމާރާތުގެ މަތީ ފަންގިފިލާތަކުގެ ބޮޑު ބައެއް ބިމަށް ފޭބި ވަގުތެވެ. ބިޔަ ގާބުރިތައް ވެއްޓެމުންދިޔަ އަޑަކީ ކަންފަތް ބައްވާ ފަދަ ގަދަ އަޑެކެވެ. ރާބިއުއާއި އާއިދު އަދި އަދަން ދުއްވައިގަތް އިރު ގަނޑުވަރުގެ ބިޔަ ދަގަނޑު ދޮރު ދެފަޅިވެ ވެއްޓުނެވެ. އެމީހުން ނުކުމަތް އިރުވެސް އީތަން މަޑުކޮށްލީ އަޒްލާން ހުރުމުންނެވެ. ބިލާލްގެ ގާތުގައި އަޒްލާން އެކަނި ބަހައްޓާއިފައި ދާން ބޭނުން ނުވީއެވެ.
“އަޒްލާން އޭނަ ބަހައްޓާފަ ދާން ހިނގާ! މިތަން ސުންނާފަތިވަނީ!” އީތަން ވެސް ހުރީ ވަމުންދާން ފެށި ގޮތުން ބިރުގަންނަ ގޮތްވެފައެވެ. ނަމަވެސް އަޒްލާންގެ ބިރުކުޑަކަމާއި ޖެހިލުން ކުޑަކަން އިންތިހާއެވެ.އޭނާގެ ނަޒަރު އަދިވެސްހުރީ ދުރުގައި ހުރި ބިލާލްއަށެވެ. ދެލުލުގައިވީ ރުޅިވެރިކަމުގެ ގިނި އަލިފާނެވެ. އަމިއްލަ ދެލޮލުން ނިއަލްއަށް ޓަކައި ފައިބަމުން ދިޔަ ކޮންމެ ކަރުނަތިއްކެއްގެ ބަދަލު އަޒްލާންގެ ފުށުން ހިފާނަމޭ ބުނާފަދަ ނަޒަރެކެވެ. އެހެން ހުއްޓާ ބިލާލް އޭނާގެ ގާތައް އަންނަން ފެށިއެވެ.
“މިއަދު ސަލާމަތް ވެވިދާނެ.. އެކަމަކު ދުވަހެއް އަދި އަންނާނެ .. ހަނދާން ކުރާތި!” ބިލާލް އައިސް ހުއްޓި އަޒްލާންގެ ދެލޮލަށް ބަލަން ހުރެ ވަރުގަދަ އިންޒާރެއް ދިނެވެ. އެހިނދު އަޒްލާން އުޅުނީ ބިލާލްއަށް ހަމަލާދޭށެވެ. ނަމަވެސް ވެރިކުރުވި ބޯ ރަތް ދުންގަނޑާއި އެކު އެމީހުންގެ ލޯމަތިން ބިލާލް އެވަގުތު ގެއްލިއްޖެއެވެ.
“އޭނަ ބަހައްޓާ! ދާން ހިނގާ!” އަޒްލާންއާއި މުހާތަބުކޮށް ބިލާލް ބުނެލި ޖުމްލަތައް އަހާފައި އީތަންގެ ހިތް ނުތަވަސްވިއެވެ.
ކުއްލިއަކަށް ބިންގަނޑު ކަނޑައިގެން ދާންފެށުމުން އަޒްލާންގެ އަތުގައި ހިފާ ، އެންމެ ގާތައް ހުރި ކުޑަ ދޮރުން ބޭރަށް އީތަން ފުއްމާލިއެވެ. އެއާއި އެކު އެ ގަޑުވަރު ބިމާއި ހަމަވެގެން ދާން ނެގީ ދިހަވަރަކަށް ސިކުންތެވެ. އެ ބިޔަ، އުސް އިމާރާތް، އޭގެ އަމިއްލަ ބަރުދަނަށް ކެތްނުވެގެން، އެތެރެއަށް ފިތި، ބިމާ ހަމަވެގެން ދިޔައީ ބޮޑު ހިރަފުސް ދުންގަނޑެއް ޖައްވަށް ފޮނުވާލަމުންނެވެ.
ބޭރުގައި ކުރަމުން ދިޔަ ވަރުގަދަ ހަނގުރާމަ ހުއްޓިގެން ދިޔަ ހިނދު މުޅި ހިސާބުގަނޑުގައި އެކި ތަންތަނުގައި ވަނީ އަލިފާން ރޯވެފައެވެ. ނިއަލްގެ ވަރުގަދަ ލަޝްކަރުން މަދު ބަޔަކު ބިރުން ފިލައިގެން ދިޔަނަމަވެސް، ބާކީ ތިބި އެންމެން މަރާ ހުސްކުރެވުނު އިރު، ޒައްޔާންގެ މޫނުމަތިން ފެނުނީ ކާމިޔާބީގެ ފުންމާނައެވެ. އޭނާގެ ހިތްވަރުގަދަ ލަޝްކަރަށް ޝުކުރު އަދާކުރުމުގެ ގޮތުން އެމީހުންނާއި ކުރިމަތިލާ ވާހަކަ ދައްކަން އުޅުނު ހިނދު ގަނޑުވަރާއި ދިމާލުން ކަންފަތްތައް ބައްވެގެން ދާފަދަ ބާރު އަޑެއް އިވުނެވެ. އެންމެންތައް ގޭޓާއި ގާތައް ޖެހެން ފެށިއެވެ. އެހިނދު ބަލަބަލާ ހުއްޓާ ގަނޑުވަރު ބިމާއި ހަމަވިތަން ފެނި އެންމެންގެ ލޯތައް ބޮޑުވެގެން ދިޔައެވެ.
އަލާނިއަލްއާއި ޔަޒަކް ގޭޓު މަތިން ފުއްމާލައިގެން އެތެރެއަށް ވަނެވެ. އިޒާން ގޮވައިގެން އައި ލިއަމް ފެނި ދެމީހުންގެ ފިޔަވަޅުތަކައް މަޑު ޖެހުން އައިސްފިއެވެ. ނަމަވެސް އެވަގުތު އިތުރަށް މަޑުކުރަން ނުހަދާ އަޒްލާންއާއި އީތަން ހޯދުމަށް އެމީހުން ފޮނުވާލުމަށްފަހު ލިއަމް ނުކުތީ އިޒާން ގޮވައިގެންނެވެ.
***
ޒެންޓްރަސް ހޮސްޕިޓަލުގެ ވެއިޓިންގް އޭރިއާގައި އާއިލާގެ ހުރިޙާ މެމްބަރުން މަޑުކޮށްލައިގެން ތިބި އިރު ހޫރައިންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ހޫރައިންގެ ގާތުގައި ޒަބީގު މަޑުކޮށްލައިގެން ހުރިއިރު އިރުއިރުކޮޅުން ހިތްވަރުގެ ބަހެއް ބުނެލާ ލޯބިވާ ދައްތަ ހިތްހަމަ ޖައްސުވާލަދޭން މަސައްކަތް ކުރެއެވެ. އާލިއާ އާއި ޝިއާ، ހޫރައިންގެ ދެފަރާތުގައި މަޑުކޮށްލައިގެން އިނެވެ. ރުއާނާގެ ހާލަތު ދަށްކަމުން ގެނައި ގޮތައް ލެވުނީ ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ބަޔަށެވެ. ހަބަރު ލިބިގެން ޒީވާއާއި އެކު އިޒްވާ ވެސް އައިސް ވަނެވެ.
ޒީވާއަށް ހޫރައިން ފެނުމުން ކައިރިއަށް އައެވެ. ޒީވާއަށް ފުރުސަތު ދިނުމުގެ ގޮތުން ޝިއާ ތެދުވެ، އިއްތާލުމަށް ބުނެލިއެވެ. ޝުކުރުއަދާ ކުރުމަށްފަހު ޝިއާއަށް ޒީވާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެމީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން އާލިއާގެ އިތުރުން ޒަބީގުވެސް ދުރަށް ޖެހިލިއެވެ.
“ހޫރައިން.. ރަނގަޅުތަ؟”ޒީވާ އިށީންދެލަމުން މަޑުމަޑުން އަހާލިއެވެ. ހޫރައިންގެ ފަރާތުން ބަހެއް ނުބުނެވުނެވެ. ރޮވުނީއެވެ. އެ މަންޒަރު ފެނި ޒީވާ ވެސް ދެރަވިއެވެ. ހޫރައިންގެ އަތް ނަގާ ޒީވާގެ އަތުގެ ތެރެއަށް ލުމަށްފަހު ފިއްތާލިއެވެ.
“އިންޝާﷲ ރުއާގެ ހާލަތު ރަނގަޅުވާނެ…” ޒީވާ ބުނެލިއެވެ. އޭނާ މަޑުމަޑުން ހޫރައިންގެ އަތުގައި ހިފާ، އޭނާގެ އަތުގެ ތެރޭގައި ފިއްތާލިއެވެ. ޒީވާގެ އެ ބަސްތަކުން ހޫރައިން ކޮންމެވެސް ވަރަކަށް ހަމަޖެހިލަމުން ބޯޖަހައިލިއެވެ.
”އެހެމް އެހެމް ސިސްޓަރ އިން ލޯ، ކޮބާ ދޮންބެ؟” ޝިއާގެ ގާތައް ޖެހިލަމުން އާލިއާ އެއްސެވެ. އެހާ ނުސިޔާނު ވަގުތެއްގައިވެސް އާލިއާގެ މޫނުން ހިސާބެއްގެ ލާނެތްކަމެއް ފެނިލައެވެ. ޝިއާގެ ގާތައް ވެސް ހުރީ ހިނިއަންނަގޮތް ވެފައެވެ. ދެމީހުންގެ ކައިރިއަށް އައި އިޒްވާއަށް އާލިއާގެ ވާހަކަ އިވި، ހައިރާންވެގެން ސުވާލު ކޮށްލެވުނެވެ.
“ވެއިޓް، ވަޓް؟ ސިސްޓާރ އިން ލޯއޭ؟” ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ފަހަރިގެ ނަމުން އާލިއާގެ މުހާތަބު ކުރުމުން އިޒްވާ ހުރީ ހައިރާންވެފައެވެ. ނަމަވެސް އިޒްވާގެ ސުވާލަށް ޖަވާބު ދިނުމަށް ވުރެން ޝިއާ ގެ ސަމާލުކަމަށް އައީ އެހެން ކަމެކެވެ. އިޒްވާގެ ބަނޑާއި ދިމާލަށް ގުދުވެލަމުން ބަނޑުގައި ޝިއާ ވަރަށް ލޯބިން އަތް ޖައްސާލިއެވެ.
“ހެލޯ ބޭބީ” މަޑުމަޑުން ޝިއާ ފިރުމާލިއެވެ. އިޒްވާ ހައިރާންވީވަރުން ދުރުވެލެވުނު އިރު އެ އަމަލުން ޝިއާއަށް ހެވުނެވެ. ނުދަންނަ ކުއްޖަކަށް އޭނާ ބަނޑުބޮޑުކަން އެނގުނީ ވެސް ކިހިނެތްބާއެވެ. ގައިމުވެސް މިފަދަ ވަގުތެއްގައި އާލިއާއަށްވެސް އެކަހަލަ އެއްޗެއް ޝިއާގެ ގާތުގައި ބުނާނެ ވަގުތެއް ނުވާނެތާއެވެ.
“ހޫ އިޒް ދިސް-” ނުތަނަވަސް ހިނިތުންވުމެއްގައި ހުރެއިޒްވާ އަނެއްކާ ވެސް ޝިއާ ކުރެން އެއްސެވެ.
“އާދޭ އިށީންދެލަން، ޕްރެގް އިރު އެހާ ގިނައިރު ކޮޅަށް ހުންނާކަށް ނުވާނެ” އިޒްވާގެ އަތުގައި ހިފާލަމުން ޝިއާ ނުހަނު ލޯބިންވާޙަކަ ދެއްކިއެވެ. އިޒްވާ ހުރީ ނުވެސް ދަންނަ ކުއްޖަކު އެހާ ގާތްގޮތަކަށް ވާހަކަ ދައްކާތީ ހަދާނެ ގޮތެއް ވެސް ނޭނގިފައެވެ. އާލިއާގެ މޫނުމަތިން ވެސް ފެންނަނީ ހައިޜާން ކަމެވެ. ޝިއާގެ ފަހަތުން އިޒްވާ ގޮސް އިށީންދެލުމުން ޝިއާ ވާހަކަ ދައްކަން ފެށިއެވެ.
“ވެދާނެ އަހަންނެއް ނޫން ކަމަށް ވެސް މި ވާހަކަ ދެއްކުން އެންމެން އައުލާކަށް ބޮޑީ.. އެކަމަކު އީތަންއަށް ވަރަށް އުނދަގޫ ވާނެ މިކަންތައް ކިޔައިދޭން… އިޒްވާ، އީތަން އަކީ އަހަރެންގެ ކޮއްކޮ.. އަހަރެންގެ އާއިލާ..” ޝިއާ އެ ހަގިގަތް އިޒްވާއަށް ހާމަކޮށްލިއެވެ. އެހިނދު ލިބުނު ހައިރާން ކަމުން އިޒްވާއަށް ސިހިފައި ކޮޅަށް ތެދުވެވުނެވެ.
“ވަޓް؟” ދެލޯ ބޮޑުކޮށްލައިގެން ހުރެ ޝިއާގެ މޫނަށް އިޒްވާ ބަލަން ފެށިއެވެ.
“ހޫމް، އީތަން އަހަރެމެން ގެ ފެމެލީއާއި ދުރުވީ ވަރަށް ކުޑައިރު.. އޭނާ އޯފެންއެކޭ ބުންޏެއްނު އިޒީ ކައިރީގަ.. ދެޓްސް ބިކޯޒް ހީ ޑަޒްންޓް ވޯންޓު އެ ވާހަކަ އޭރު ކިޔައިދޭން.. އަސްލުވީ ގޮތަކީ-” ޝިއާ އެވާހަކަ އިޒްވާއަށް ކިޔައިދޭން ފެށިއެވެ. ނިއަލްގެ އަތްދޮށަށް ހޫރައިން ދިޔަގޮތާއި އެދުވަހު އިޒާންއާއި ޒީވާ ގެންދިޔަ ގޮތް ކިޔައިދިނެވެ. އެއީ އިޒްވާއަށް އެނގިފައިވާ ހިސާބެއް ނަމަވެސް އެދުވަހާއި އީތަން ހުރި ގުޅުން އެނގިގެން ދޔައީ އެވަގުތުއެވެ. ލިބިގެން ދިޔަ ޝޮކުން އަރައިގަންނަށް އިޒްވާއަށް ވަގުތު ކޮޅެއް ބޭނުންވިއެވެ. އަދި އެދުވަހު އައިސް ހުރި ރުޅީގައި އީތަން، އެ އާއިލާއާއި ދުރުވި ގޮތް ވެސް ބުނެދިނެވެ. އޭގެ ފަހުން މިރެއިލްއަށް ވެގެން ދިޔަ ގޮތާއި، އަލުން އެނބުރި އީތަން އާއިލާގެ ގާތައް ދިޔަ ދުވަހު ވެގެން ދިޔަ ގޮތާއި އެއާއިލާގެ އެކި ވާހަކަތައް ވެސް އިޒްވާއަށް ޝިއާ ކިޔައިދިނެވެ. އެ ޥާހަކަތައް ފެށި ހިސާބުން އީތަން ދެކެ އާދެވުނު ރުޅި މަޑުމަޑުން ފިލައިގެން ގޮސް، ފަހުން އިޒްވާ އެވާހަކަތަކައް އިނީ ނުހަނު ޝައިގުވެރިވެވިފައެވެ.
“ބައްޕަ ވަރަށް ލޯބިވާނެ އީތަން ދެކެ.. ދެކުދިން މިތިބެނީ، ބައްޕަގެ ޑްރީމެއް އެއީ އީތަން އެތަނަށް ޗޭންޖު ވެ އެތަނުގައި ދިރިއުޅުން އާރާސްތުކުރުން.. އެކަމަކު މިހާރު އެ ވިސްނުން ގޮސް ހުރީ.. މިހާރު ބައްޕަ ވެސް ބޭނުންވަނީ މިތަނަށް އަންނަން.. އިޒީ ޕްރެގްކަން އެނގުނު ހިސާބުން މަންމަ ވެސް އެހުންނަނީ ނާދެވިފަ..”ޝިއާ ކިޔައިދިނެވެ.
“އަޅޭ، އެކަމަކު ހާދަ ބޭނުމޭ މީޓު ކޮށްލަން.. އަހަރެން ގެންގޮސްދޭނަން ދޯ” އުއްމީދާއި އެކު އިޒްވާ ބުނެލިއެވެ. ޝިއާ އުފާވެރި ހިނިތުންވުމަކާއި އެކު ބޯޖަހައިލިއެވެ.
ކުއްލިއަކަށް އެންމެންނަށް ސިހުމެއް ލިބުނީ ހޮސްޕިޓަލުގެ ތެރެއަށް ވަދެގެންއައި ލިއަމް ފެނިގެންނެވެ. ލިއަމްގެ އަތްދަނޑި މަތީގައި ހަރަކާތެއް ނެތި އޮތް އިޒާން އެންމެ ފުރަތަމަ ވެސް ފެނުނީ ޒީވާއަށެވެ. މުޅި މީހާ ގަނޑުވެގެން ދިޔައިރު ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. އަމިއްލަ ހާލަތު ހިނދުކޮޅަކަށް ނަމަވެސް އިޒްވާއަށް ވެސް ހަނދާނެ ނެތުނެވެ. ލިއަމްގެ ފަހަތުން އާދެވުނީ ދުވެލާފައެވެ. ދެމައިންގެ ފިޔަވަޅުތައް މަޑުކޮށްލަން މަޖުބޫރުވީ އިޒާން ގޮވައިގެން ލިއަމް ނުހުއްޓި އަވަސް ފަރުވާދޭ ބަޔަށް ވަނުމުންނެވެ. ޒީވާ ވެސް ދިމާކޮށްލީ އެތެރެއަށް ވަނުމަށެވެ. އެހެނަސް ޔޫމީން ހިފެހެއްޓިއެވެ.
****
(ނުނިމޭ)
ހިރާސް 2 (27)
Ommmgggggg….. Enme hih avas ve neyvaa hifahahttaalaigen indha e nimuny… It’s so nice… Cant wait for the next ep… 😍😍😍😍😍😍😍😍
Lysssmmmmm…. 🫶🏻🫶🏻
Aaaahhhchaaaa
This is soooo freakjnggg goood
Ekam. Now nimeny dhww
Aahh😭😣
I love this this this😍😍😍🤍🤍
Ma sha allah🥰🥰
Cmonnnns
Mauvaaa💋💋💋
Sending hugggssss
Hiraas noon vaahaka eh nunerevey tha mihaaru.. alhe dhn in vaahaka nereyne kamuge inthizaaruga e thiby kithah kiyun therin 🙄 hiraas noon vaahaka eh ekm nunerevey . Dhn in vaahakaigevx dhebai neribala .. emme reethi vaahaka nuneri adhi mi vaahaka eba nerey 😒
Foohi ge comment ah
Author eba innenu viber group ga bunelaafa miee kihineh vaa kameh kan..
😏Check viber grp💀
Saabahey ekamaku eydha comment akah
Dhen thiee boduvarehnu vaahaka kiyaa hiy viyas
Thandhoru balaeh nulaey mimyhun comment kohlany
Ahthor kihaa reehchakah kiyaidheefa ehury hiraas nerey sababu
Alhe aurthor already bunefa iny why she is uploading hiraas for now in Viber group and I know your just curious about other story but can ask a bit nicely 😔asking like that will only demotivate the writer she is also trying 😔
Arn ekey 😣pis pis
Hama Enme demotivate vaahen
Kihaa ragalhu dhen mihen genesdheythy ves
This isnt something other writers will do
Only she is doing this for us
Can we just appreciate?
Im so curious about the nexttr
Cant wait honeyy
Avahaha upppppp igeiii😍💖💖
Dhoo amaany wes Ebuni dhogu Whk eh noon cant we appreciate the things she is doing for us plus she also has a life hama and she has to take care of her life as well Miwaru wes e kohdheni hama readers ab takai wihya 😩 mi meehun understand nuwaa warun wes Dhen