މި ޖިސްމުގާ ވަނީ 48 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 48

ޝާއިރާއާއި އޭނާގެ މިހާރުގެ ފިރިމީހާ އާޝިއު، ދިން ލާއިންސާނީ އަނިޔާތައް އޭނާގެ ލޯމައްޗަށް ސިފަވާން ފެށިއެވެ. ޝާއިރާ އަމިއްލަ އަތުން އަމީރާގެ ގަޔަށް އިންޖެކްޝަން ޖެހި މަންޒަރާއި، އާޝިއު އޭނާ ގެންގޮސް މަގުމެދަށް އެއްލާލި ގޮތެވެ. އިންޖެކްޝަނާއި ލިބުނު އަނިޔާތަކަށް ކެތްނުވެގެން އަމީރާ ބިމަށް ދެމިފައި ވަނިކޮށް، ޝާއިރާ ކާރު ދުއްވާފައި އައިސް ބާރު ދުވެލީގައި އޭނާގެ ގައިގައި ޖައްސައި އެކްސިޑެންޓްކޮށްލި ރަހުމުކުޑަ ގޮތެވެ. ހުރިހާ ހަނދާނެއް އެއްފަހަރާ އައިސް ސިކުނޑީގައި ބިންދާލުމުން އަމީރާއަށް ދެލޯ މަރާ ފިއްތާލެވުނެވެ. ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަމީރާގެ ހަށިގަނޑު ބިންމަތީގައި ޖެހުނެވެ.
އެހިނދު މުޅި ހިސާބުގަނޑުގައި ލޭގެ ކޯރެއް ފެވި، ވެހެމުންދިޔަ ވާރޭއާ އެކުވެގެން އެ ލޭގަނޑު މަގުމަތީގައި ފެތުރިގެން ދިޔައެވެ. މުޅި ދުނިޔެ އޭނާއަށް އަނދިރިވެ، ހަމަހިމޭންކަން ވެރިވިއެވެ.
****
އަމީރާ މަގުމައްޗަށް ވެއްޓި ޖެހުމާއެކު، ކުރިން އޭނާއަށް ގޮވަމުން ދިޔަ މީހުންގަނޑު ދުވެފައި އެދިމާލަށް އަންނަން ފެށިއެވެ. ދުއްވާފައި ދިޔަ އުޅަނދުތައް ވެސް ކުއްލިއަކަށް ހުއްޓުމަކަށް އައެވެ. އަމީރާގެ ގައިގައި ޖެހުނު ކާރުގެ ތެރެއިން ފައިބައިގެން އައީ ޒުވާން ފިރިހެނެކެވެ. ބިރުވެރިކަމުން ދެލޯ ބޮޑުވެފައިވީއިރު، ލޭގެ ކޯރުގެތެރޭގައި އެއްވެސް ހަރަކާތެއް ނެތި އޮތް އަންހެންކުއްޖާ ފެނުމުން އޭނާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އޭރު އުޅަނދުތަކުގައި ތިބި މީހުންވެސް ފައިބައިގެން އެ ހިސާބަށް ޖަމާވެއްޖެއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ ފިނި ތިކިތަކަށް ފަރުވާލެއް ނުބަހައްޓައެވެ.
“ބަލާބަލަ މި ކުއްޖާއަށް ވެފަ މިއޮތް ވަރު…” އެކަކު ބުނާ އަޑު އިވުނެވެ. އަމީރާގެ ގާތަށް ތިރިވެލަމުން، ފުރާނަ ހުރިތޯ ބެލުމަށް އޭނާގެ ކަރުދޮށުގައި އިނގިލި ޖައްސައިލީ އެ ކާރު ދުއްވަން އިން ޒުވާނާއެވެ. ކިރިޔާވެސް ވިންދެއްގެ އަސަރު ޖެހުމާއެކު، ހިތް އަވަސްވެފައިވާ ހާލު، އެ ޒުވާނާ، އަމީރާ އަތްދަނޑިމައްޗަށް އުފުލައިލިއެވެ. އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްނުލައި، އޭނާގެ އަމާޒަކަށްވީ ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް ވާސިލުވުމެވެ.
އެ މަންޒަރު ފެނުނީ، އެ ވާރޭގައި ވެސް އަމީރާ ހޯދަމުން އެހިސާބަށް އާދެވުނު ފާރިހްއާއި ލައިބާއަށެވެ. އިއްތިފާގުން އެމީހުންނަށް އާދެވުނު ހިނދު، ފުރަތަމަ ވެސް ދެމީހުންނަށް ވެސް ހުއްޓުން އަރާފައި ތިބެވުނީ އެ ފެނުނު މަންޒަރު ގަބޫލް ނުކުރެވިފައެވެ. ނަމަވެސް، ހޭވެރިކަން ވެގެން ހިތްވަރުކޮށްފައި ލައިބާ ދުވެފައި ގޮސް އެ ކާރަށް އެރިއެވެ. އަދި ލައިބާ ކާރަށް އެރުމާއެކު، އެމީހުންގެ ފަހަތުން ސައިކަލުގައި ބާރު ސްޕީޑުގައި ފާރިހް ވެސް މިސްރާބު ޖެހިއެވެ.
***
ޖިނާންގެ ތުންފަތްމަތީގައި ދެމިލާފައިވަނީ ވިހަގަދަ، މަކަރުވެރި ހިނިތުންވުމެކެވެ. އަމީރާ ކަފިހިހުރަހަށް އެރި ހިސާބުން ފެށިގެން އެތަނުގައި މަޑުކުރުމެއް ނެތި އޭނާ މިސްރާބު ޖެހީ، ތަންކޮޅެއް ދުރުގައި، އޭނާގެ އިންތިޒާރުގައި މަޑުކޮށްލައިގެން އޮތް ކާރާ ދިމާއަށެވެ. ކާރާ ހަމައަށް ދެވުނު ނަމަވެސް އެތެރެއަށް ވަންނާކަށް އޭނާ އަވަހެއް ނުވިއެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރެ، ތޫނު ނަޒަރު ހުއްޓައިލީ އަމީރާއަށެވެ. މަގުމައްޗަށް ތިރިވެ އިނދެފައި އަމީރާ ތެދުވި ވަގުތު، ބާރު ސްޕީޑުގައި އައި އެހެން ކާރެއްގެ ޝިކާރައަކަށްވެ، ވިއްސައިގެން ދިޔަ ބިރުވެރި މަންޒަރު އޭނާއަށް ވަރަށް ސާފުކޮށް ފެނުނެވެ.
“މަށާއި ފިލައިގެން އައީމަ ވަކި މޮޅުތަކެއް ވެއްޖެތަ! ހަހަހަ!” އެމަންޒަރާއެކު، ޖިނާންގެ ހިތްހަމަޖެހުން ހީވީ އިތުރުވެގެން ދިޔަހެންނެވެ. އިހުނަށްވުރެ ބާރަށް ހީނގަތެވެ. އަމީރާ ގޮވައިގެން ދިޔަ ކާރާއި، މަގުމައްޗަށް އެއްވި މީހުންތައް ލޯމަތިން ގެއްލި، ފުލުހުންގެ ވެހިކަލެއް އެ ސަރަޙައްދަށް މަޑުކޮށްލުމުން އެންމެ ފަހުން ޖިނާން އެތަނުން ދާން ނިންމިއެވެ.
ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން ޖިނާން ބަލައިލިއެވެ. ސްކްރީނަށް އަރާފައިވާ ނަން ފެނުމުން، އޭނާގެ މޫނުމަތީގެ ނުލަފާ ހިނިތުންވުން އިތުރަށް ފުޅާވެގެން ދިޔައެވެ. ކަންފަތުގައި ފޯނު ޖަހައިގެން ހުރެ ކާރަށް އެރިއެވެ. އަދި ގުޅި މީހާ ގާތު އިރުކޮޅަކުން ގުޅާނެ ކަމަށް ބުނެ ފޯނު ކަނޑައިލީ، ޑްރައިވަރު ސީޓުގައި އިން އާޝިއު ވާހަކަ ދައްކަން ފެށުމުންނެވެ.
“ތިހާ ފާޅުކަން ބޮޑު ގޮތަކަށް ތިކަން ކުރި އިރު ކަލޭ ކުޑަކޮށްވެސް ޖެހިލުމެއް ނުވޭތަ؟ މަދުވެގެން މޫނު ނަމަވެސް ފޮރުވާލި ނަމަ ދޯ!” އާޝިއުގެ ވިހަ މޫނުމަތިން އެވަގުތު ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއްގެ އަސަރު ފާޅުވާން ހުއްޓެވެ.
“ހޫމްމް! މަ ކޮންކަމަކާ ބިރުގަންނަންވީ؟ އަމީރާއަށާއި އޭނާގެ ލޯބިވެރިޔާއަށް ކުޑަ އިންޒާރެއް މި ދިނީ.. މަށަށް ރަނގަޅަށް އެނގޭ އިޔާން މަގުމަތީގެ ކެމެރާތައް ފާސްކުރާނެކަން. ކެމެރާތައް ހުރިކަން އެނގިހުރެ ހަމަ ގަސްތުގައި މޫނު ދައްކައިގެން ފެންނަ ހިސާބުގައި ހުރީ.. އަމީރާއަށް ހޭއެރީމަ ދެން ވިސްނޭނެ، އޭނާގެ ކައިވެންޏާ ދޭތެރޭގައި މާގިނަ ދުވަހެއް ނެތްކަން. އެ ހުރިހާ ކަމެއް ރޭވިފައި އޮއްވާ ފިލައިގެން ގޮސް އެހާ ހަމަޖެހިލައިގެން އުޅެވޭނެ ކަމަށް ހީކުރީތަ؟ ނޫނޭ! އެހެން ހީކުރުންވެސް އެއީ އޭނަގެ މޮޔަކަން! ތިއެއް ނޫނޭ، ރަވީހުމެން މިހާރު ކޮބައިތަ؟” ޖިނާން ސީޓުގައި ރަނގަޅަށް ހަމަޖެހިލަމުން، ކުރިމަތީގައި ހުރި ސީޓުގެ އަތްގަނޑު މައްޗަށް ދެފައި ވައްޓައިލިއެވެ.
“ބުނީމެއްނު ރަވީހު އެބައުޅެޔޭ. ކަލޭ މާލޭގައި އުޅުނުއިރު ގެންގުޅުނު އެ ގޭންގުން މިހާރު ބާކީ ތިބީ މާއިން އާއި އެ ރަވީހު އެކަނި. ދެން ތިބި އެންމެން އެތިބީ ތޭރިތަކުގެ ބިއްދޮށުގައި ބަންދުވެފަ. އަހަރެމެންނަށް މިނިވަންކަމާއެކު މި އުޅެވެނީވެސް ރަވީހުގެ ބައްޕަގެ ސިޔާސީ ނުފޫޒުންކަން ދަންނަންވާނެ. ކަލޭ ވެސް ތިކުރާ ކަންތައްތަކުގެ ހައްދު ދަންނަންވާނެ. މިއަދު ތިކުރި ކަހަލަ މޮޔަ ކަމެއް ދެން ތަކުރާރު ނުކުރާތި!” ފަހު ޖުމްލައާއެކު އާޝިއުގެ އަޑު ބާރުވެގެން ދިޔަ ގޮތުން، އޭނާ ހިތްހަމަނުޖެހިފައިވާ މިންވަރު ސާފުވިއެވެ. ނަމަވެސް، ޖިނާން އެ ވާހަކަތަކަށް އެއްވެސް ފަރުވާލެއް ނުބެހެއްޓިއެވެ.
“ކައެ ބުނި ވާހަކަ ހަމަ އެގޮތުގައި ދޯ؟” ކުޑަ ހިމޭންކަމަކަށްފަހު ޖިނާން އަހައިލިއެވެ. އާޝިއުއަށް އެ ބުނި އެއްޗެއް ދޭހަނުވެގެން، ފަސްއެނބުރި ބަލައިލަމުން ނިތް އަރުވައިލިއެވެ.
“މިބުނީ އަމީރާއަކީ މާއިންގެ ކޮއްކޮކަން ނޭނގިދޯވެއޭ އޭނަ އެހީ އެވަނީ؟” ޖިނާން ސާފް ވާހެން ސުވާލު ތަކުރާރްކޮށްލިއެވެ.
“ހޫމް! ކަލެއަށް ހީވޭތަ އެކަން އެނގޭނަމަ މި ކުޅިގަނޑުގައި އޭނާ އަހަރެމެންނާއެކު މިހާ ހިސާބަށް އަންނާނެހެން؟ އެސޮރު އާއިލާ ކުރިމަތީގައި ކޮންމެ ސިފައެއް ދައްކައިގެން އުޅުނަސް، އަހަރެމެންގެ ކަންކަމުގެ ތެރެއަށް އާއިލީ ގުޅުންތައް ވައްދަން ބޭނުންނުވާވަރު އެނގެއެއްނު. އެ އާއިލާގެ ނުފޫޒު ހިމެނޭކަމެއް ބޭނުންކޮށްގެން އޭނާ އެހީވި ހަމައެކަނި ގޮތަކީވެސް ، ރަވީހުމެންނަށް ހައިކަލްގެ ރިސޯޓުން ހިމާޔަތް ހޯދައިދިނުން އެކަނި” އާޝިއު ތަފުސީލުކޮށްދިނެވެ. އެ ޖަވާބު އިވިފައި ޖިނާން ޖަހައިލީ ވިހަ ހިނިގަނޑެކެވެ.
“ދެންމެ އޭނަ އެގުޅީ.. ގާތްކޮށްލައިގެން އުޅޭއިރު އެގޮލާއަށް އިޙްސާސްވެސް ނުކުރެވޭނެ މަ ކުރަން މިއުޅޭކަންތައް!” ޖިނާންގެ މި ވިހަގަދަ ޖުމްލައާއެކު، މިފަހަރު އާޝިއުވެސް ބައިވެރިވެ މަކަރުވެރިކަމާއެކު ހޭންފެށިއެވެ.
****
އަމީރާ އެތެރެއަށް ވެއްދުމަށްފަހު، ބޭރުގައި މަޑުކޮށްލުމަށް ބުނެ އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރު ނަރުހަކު ލައްޕާލިއެވެ. ލައިބާ އާއި ފާރިހް މަޑުކޮށްލައިގެން ހުއްޓާ ސައިމަން އައިސްފިއެވެ. އޭނާ ފެނުމާއި އެކު ލައިބާގެ ބަނޑި ފަޅައިގެންދިޔައެވެ.
ސައިމަންއަށް ވެސް ހުރެވުނީ ހިތްވަރުދިނުމުގެ ގޮތުން ބުނާނެ ބަހެއް ނޭނގިފައެވެ. އަމީރާ ހޯދުމުގައި މަގުމަތީގައި އުޅެމުން ދަނިކޮން، އޭނާ ހޮސްޕިޓަކަށް ގެނެވުނު ހަބަރު ލިބުމާއި އެކު ވަގުތުން އައީއެވެ. ސައިމަންއަށް އަދިވެސް ހުރެވުނީ ސިހުމުގައެވެ.
“ދެރަނުވޭ… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ،” ލައިބާގެ ކަރުނަތަކުން ތެމިފައިވާ މޫނަށް ބަލައިލަމުން، އޭނާގެ ނިތްކުރީގައި މަޑުމައިތިރިކަމާއެކު ތުންފަތް ޖައްސައިލަމުން ސައިމަން ހިތްވަރު ދިނެވެ.
“އެގޭ މީހުންނަށް ގުޅައިފިންތަ؟” ކޯތާފަތްމަތިން ފައިބަމުންދިޔަ ހޫނު ކަރުނަތައް ފޮހެލަމުން، ތުރުތުރުއަޅާ އަޑަކުން ލައިބާ އަހައިލިއެވެ. އޭރުވެސް އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. ސައިމަން ބޯޖަހައިލަމުން، އިޔާން އަށާއި މަޖުދާއަށް ގުޅައި ޚަބަރު ދެވިއްޖެ ކަމަށް ބުންޏެވެ. އަދި ބޯކޮށް ވެހެމުންދާ މި ވިއްސާރައިގެ ސަބަބުން، ހުޅުމާލެއިން މާލެ އާދެވެން ކޮންމެވެސް ވަރެއްގެ ވަގުތުކޮޅެއް ނަގާނެ ކަމުގައި ބުނެލިއެވެ. ލައިބާ ވެސް މަޑުމަޑުން ބޯޖަހައިލުމުން، ގޮވައިގެން ގޮނޑިބަރީގައި އިށިންދެލިއެވެ.
“ކޮބާ އެމީ؟ ހަބަރެއް ލިބިއްޖެތަ؟” ހަބަރު ލިބިގެން އައިސް ހުއްޓުނު މަހުދީ، ހާސްވެފައި ހުރެ އަހައިލިއެވެ.
“ނޫނޭ.. އެތެރެއަށް ވައްދާފަ.. ކޮބާ އޭނަ؟ ކަމެއް އޮޅުން ފިލިތަ؟” ސައިމަން އަހާލިއެވެ.
“ވަރަށް ކުޑަކޮން ވާހަކަ ދެއްކުނީ.. އޭނައަށް ވެސް ވަރަށް ބޮޑު ޝޮކެއް ލިބިފަ ހުރީ.. އެކަމަކު ނަސީބެއް އެ ސިހުމުގަ ހުރެވެސް އެމީ މަގުމައްޗަށް ދޫކޮށްނުލާ މިތަނަށް ގެނައި ކަން..އޭނާ ބުނީ ވާރޭ ބޯކަމުން ކުރިމަތި ސާފުކޮށް ރަނގަޅަށް ނުވެސް ނުފެންނަ ކަމަށް. އެމީ މަގުމެދުގައި ހުއްޓައި ފެނުނީ ވަރަށް ކައިރިވި ފަހުންނޯ. އެހެންވެ އެމީގެ ގައިގައި ނުޖައްސަން ވެގެން އެއްފަރާތަކަށް ކާރު އަޅުވައިލި ވަގުތު، އޭނާ ނުވިސްނައި ހުއްޓައި އެމީ ކުއްލިއަކަށް ތެދުވެގެން ހިނގައިގަތީ ކާރު އަޅުވައިލި ފަޅިއަށޯ! ކުއްލިއަކަށް ބުރަކި ޖައްސަން މަސައްކަތް ކުރި ނަމަވެސް، މާ ބޮޑަށް ކައިރިވެފައި އޮތުމުން ކާރު ކޮންޓްރޯލް ނުކުރެވި ކަހާލީ… އަހަރެން ވެސް މިއައީ ހަމަ ޚަބަރެއް ބަލައިލަންވެގެން. މިހާރު ޓީމުން އެ ދަނީ މަގުމަތީގެ ކެމެރާތައް ބަލައި ފާސްކުރަމުން…” މަހުދީ ތަފުސީލުކޮށްދިނެވެ. ސައިމަން އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޯޖަހައިލިއެވެ.
އެމީހުން ބަލައިލީ އިޔާންގެ އަޑަށެވެ. އޭނާގެ ފަހަތުން އެހެން މީހުންވެސް އަންނަމުން ދިޔައެވެ. އެންމެންގެ ދެލޮލުގައިވީ ކަރުނައެވެ. ހުސް ހިތާމައިގެ މޫނުތަކެވެ. މަޖުދާ އަތުލަފިކޮށްގެން ނަދީމް އައި އިރު، މަޖުދާގެ ރުއިމުގެ އަޑު ވަނީ އެ ސަރަހައްދުގައި ހިފާލާފައެވެ. ވިޝާމްއާއި ޔުމާން އަދި ސަދަފް ވެސް ތިއްބެވެ.
“ލައި، ކީއްވެ އެމީ އެކަނިން ބޭރަށް ނުކުތީ؟” އިޔާން ހުއްޓިލީ ލައިބާގެ ކުރިމަތީގައެވެ. އިޔާންގެ ދެލޯ ފެންކަޅިވެފައިވީ އިރު އަޑުވެސް އައީ ކުރެހިގެންނެވެ. ލައިބާއަށް ގިސްލެވެމުން ދިޔަވަރުން އެއްވެސް ޖަވާބެއް ނުދެވުމުން، އިތުރަށް ސުވާލުކޮށް އޭނާ ހިތްދަތިކުރުވާކަށް އިޔާން ގަސްތެއް ނުކުރިއެވެ. ހިތާމައިން ބަރުވެފައިވާ ފިޔަވަޅުތަކެއްގައި ގޮސް، އޭނާ ހުއްޓިލީ އަމީރާ ވައްދާފައިވާ ކޮޓަރީގެ ބަންދު ދޮރުމަތީގައެވެ.
“ލައި، ކެން ޔޫ ޓޯކް؟” ސައިމަން އޯގާތެރިކަމާއެކު ލައިބާގެ ކޮނޑުގައި އަތްބާއްވާލަމުން މަޑުމަޑުން އަހައިލިއެވެ. ނަމަވެސް، ލައިބާގެ ހާލަތު ހުރިގޮތުން ވާހަކަ ދެއްކޭވަރެއް ނޫނެވެ. އޭނާގެ ފަރާތުން ސައިމަންއަށް ކަންހިނގައިދިޔަ ގޮތުގެ ކުޑަ މިންވަރެއް އެނގިފައި އޮތް ނަމަވެސް، މި ހިތްދަތި ދަނޑިވަޅުގައި އިޔާން ބޭނުންވާނީ އެވަރުން ފުއްދާލާކަށް ނޫނެވެ. ކަންވީގޮތް އަކުރުން އަކުރަށް، ފުރިހަމައަށް ސާފުވާން އޭނާ ބޭނުންވާނެއެވެ. ވުމާއެކު، ވީގޮތް އިޔާންއަށް ކިޔައިދިނުމަށް އެދި ސައިމަން ލޮލުގެ އިޝާރާތުން ފާރިހްއަށް އަންގައިލިއެވެ.
“ކިހިނެތްތަ ވީ؟ ކިޔާދީބަލަ؟ ކާކާއި ހެދި އެމީއަށް މިހެން މިވީ؟ ފާރިހްއަށް އެނގޭތަ؟ ޔުޒީ؟” ޔުމާންއަށް ވާހަކަ ދެއްކުނީ ފުދޭވަރަކަށް ބާރަށެވެ. ދެރައާއި ރުޅިން އޭނާގެ އަޑު ބާރުވީއެވެ. އެއްފަހަރު ޔުޒީނާ ގެ މޫނަށް އަދި އަނެއް ފަހަރު ފާރިހްއާއި ލައިބާގެ މޫނަށް ޔުމާން ބަލައިލައެވެ.
“އަހަރެމެން އެންމެން ބްރޭކަށް ގޮސް އުޅުނު ގަޑީގަ އެ ހުރިހާ ކަމެއް ހިނގައިދިޔައީ.. މިއަދު ބްރޭކަށް ލައި ދިޔައީ ގެޔަށް. އަހަރެން ވެސް އެވަގުތު ބޭރަށް ޖެހިލީ. ދެން ޔުޒީ އުޅުނީ އެންމެ މަތީގަ ހުންނަ ސްޓާފް އޭރިއާގަ.. ދިސް ހޯލް މެސް ވޯޒް ކްރިއޭޓެޑް ބައި މަންހާ މެޑަމް! ޝީ އިވެން ފަޔަރޑް އެމީ!” ފާރިހް ބުނެލިއެވެ. އެއާއި އެކު ޔުމާންއާއި ވިޝާމްއަށް އެކަކު އަނެއްކަކުގެ މޫނަށް ބަލައިލެވުނެވެ. ސަދަފްގެ ނިތައް ރޫ އަރުވާލެވުނެވެ.
“މަންހާއޭ؟ މަންހާ، އެމީ ވަޒީފާއިން ވަކިކުރީ؟ ކޮން ހައިސިއްޔަތަކުން؟” ރުޅިގަދަވި ވަރުން ސަދަފްއަށް އެހުނެވެ.
“ޔާހް! މަންހާ މެޑަމް.. އެންމެ ކުޑަމިނުން ސީސީޓީވީ ކެމެރާ ވެސް ޗެކްކޮށްނުލައި އެކަން ކުރީ.. އެމީ އޮފީހުން ނުކުމެގެން ދިޔައީ އެކަމާ މުޅިން ބޯގޮވައިގެން ހުރެ.. އެންޑް ދެން ދިސް ހެޕެންޑް!” އަމީރާއާ މެދު މަންހާ ކަންތައްކުރި ގޮތް ފާރިހް ކިޔައިދިނެވެ. އަދި އެވަގުތުން ފެށިގެން މެދުކެނޑުމެއްނެތި އެމީހުން އަމީރާ ހޯދަން ކުރި މަސައްކަތުގެ ވާހަކަ ވެސް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއިވުމާއެކު، ވަގުތުން ޔުމާންގެ ލޭ ކެކި އަރައިގަތެވެ.
”ހައު ކުޑް ޝީ!” ޔުމާންއަށް ދަތްތައް ކާރުވާލެވުނެވެ. މިވަގުތު އޭނާގެ ކުރިމަތީގައި މަންހާ ފެންނަން ނެތް ކަން އެއީ މަންހާގެ ނަސީބެވެ.
”ވާ ނުވާ އަންގާލާތި! މަ އެބަ ދަން އެކޮޅަށް! ފާރިހް، ކަމް ވިތް މީ!” ޔުމާން ރުޅިއައިސްގެން ދާން އުޅުމުން އެކަން ހުއްޓުވީ ވިޝާމްއެވެ. އޮފީހަށް ދާންވެގެން ނުކުންނަމުން ވިޝާމް ބަލައިލީ އިޔާންއާ ދިމާއަށެވެ. އިސްޖަހައިގެން، ދެއަތް ގުޅުވާލައިގެން އިޔާން އިން ހިތްދަތި މަންޒަރު ފެނިފައި ވިޝާމްގެ ހިތައް ވެސް އުނދަގޫވިއެވެ. އޭނާ އެތަނުން ނުކުތީ އެއްގޮތަކަށް ވެސް ދާން ބޭނުންވެގެންނެއް ނޫނެވެ. އަމިއްލަ ހިތާއި ޒަމީރާ މުޅިން ދެކޮޅަށެވެ.
ގަޑި އިރުތަކެއް ހޭދަވެގެން ދިޔައިރު ވެސް އެކަކުވެސް އެތަނުން ދުރަށް ދާން ހިޔާލެއް ނުކުރެއެވެ. އެކި މީޙުން އެކި ހިސާބުތަކުގައި ތިބިއިރު މާހައުލަށް ވެރިވެފައިވަނީ މަރުފަދަ ހަމަހިމޭން ކަމެކެވެ. އަމީރާގެ ހާލަތަކާ މެދު އުއްމީދީ ޚަބަރެއް ލިބުމުން ނޫނީ، އެންމެން ވެސް ހަމަނޭވާއެއް ލާން ބޭނުންނުވެފައި ތިބި ކަހަލައެވެ.
އޮފީހުން ތަކުރާރުކޮށް ގުޅަން ފެށުމުން، ދާން ނުކުންނަމުން މަހުދީ ވެސް އިޔާންގެ ކޮނޑުގައި އަތްބާއްވާލައި ހިތްވަރު ދިނެވެ. އޭރު އިޔާންގެ ދެފަރާތުގައި އޭނާއަށް ހިތްވަރަކަށް ވެގެން ޔުމާންއާއި ސަދަފް ތިއްބެވެ. އިސްދަށަށް ޖަހައިލައިގެން އިންއިރު، އިޔާންގެ މޭތެރެއިން ނަގަމުން ދިޔައީ ބަޔާންކުރަން ދަތި ވޭނީ ދިލައެކެވެ. އަމީރާގެ އެ މައުސޫމް ސޫރައާއި ލޯބިވެތި ހިނިތުންވުން ހިތުގެ ލޯގަނޑުގައި ކުރެހިގެންދާ ކޮންމެ ހިނދަކު، ހިތާމަތައް ކޮންޓްރޯލް ކުރަން އޭނާއަށް ތުންފަތުގައި ބާރަށް ދައިގަނެވެއެވެ. އެއިން ކޮންމެ ފަހަރަކު އަނގައިގެ ތެރޭގައި ލޭގެ ހިތި ރަހަ ލައިގެން ދެއެވެ.
“އައިމް ސޮރީ އެމީ… އައިމް ސޯ ސޮރީ…” ހިތުގެ އަޑިން ނުކުތް ވޭނީ އާހަކާއެކު، އަމިއްލަ ނަފްސަށް އިވޭވަރަށް އިޔާންއަށް ބުނެވުނެވެ. އަމީރާއާމެދު ފަރުވާކުޑަކޮށްލެވުނު ކަމުގެ ކުށްވެރި އިހުސާސް ކުރެވެމުން ދިޔައިރު، އެކަމުގެ ހިތިކަން ކަރުބުޑުގައި ވަނީ ހަރުލާފައެވެ. މުޅި ހިތް ވަނީ ފުން ޒަޚަމްތަކަކުން ފޯވެ، ކެތްނުކުރެވޭ ފަދަ ގަދަ ވޭނެއްގައެވެ.
އަވަސް ފަރުވާދޭ ކޮޓަރިން ނަރުހަކު ނުކުމެގެން އައިސް އެހީތެރިއަކަށް ގޮވާލި ހިނދު އިޔާން ތެދުވިއެވެ. ޔުމާން ފެނުމުން ފަހަތައް ޖެހިލަން ފައި ހިތްލާލި ނަމަވެސް ޔުމާން ދެފަޜާތައް ބޯހޫރުވާލަމުން އިޔާންގެ ކޮނޑުގައި އަތް އަޅުވާލަމުން ދިއުމަށް ބުނެލިއެވެ. އިޔާން ބޯޖަހާލާފައި އޭނާގެ ފަހަތުން ވަނެވެ.
“ކިހިނެތް ތޯ އަމީރާ” ތެޅިތެޅި އޮތް ހިތަކާއެކު އިޔާންއަށް އަހައިލެވުނެވެ. އޭނާއަށް އެއްޗެއް ބުނެވުމުގެ ކުރީގައި އިތުރު ނަރުހަކު އައިސް އިޔާންގެ އަތައް ދިއްކޮށްލީ ފައިލެކެވެ. އެއީ ބަލިމީހާގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި، ޢާއިލާގެ ފަރާތުން އިޒްނަ ދިނުމުގެ ގޮތުން ސޮއިކުރަންޖެހޭ އިޤްރާރު ފޯމެކެވެ.
“އަމީރާގެ ޙާލަތު ވަރަށް ނާޒުކު… މިވަގުތު ވަކި އެއްޗެއް ބުނަން ދަތި. ބޮލަށް ލިބިފައިވާ ބޮޑެތި އަނިޔާތަކުގެ ސަބަބުން ކުއްލި އޮޕަރޭޝަނެއް ކުރަން ވަނީ މަޖުބޫރުވެފަ. އެހެންވެ ވަގުތު ބޭކާރުނުކޮށް، ވީ އެންމެ އަވަހަކަށް މި ފޯމުގައި ސޮއިކޮށްލަ ދެއްވާ…” ނަރުސް ކުއްޖާ ކަންބޮޑުވުމާއެކު ބުނެލިއެވެ.
އެ ބަސްތައް އިވިފައި، އިޔާންގެ ހިތް ހީވީ ހުއްޓިގެން ދިޔަހެންނެވެ. އިންޒާރަކާއި ނުލާ ދެލޮލުގައި ގިނަވެގަތް ކަރުނަތައް ކޮންޓްރޯލުން ނެއްޓި، ކޯތާފަތްމައްޗަށް އޮހިގަތެވެ. އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަތައް ފޮހެލި ނަމަވެސް، ރުއިމުގެ ސަބަބުން އޭނާގެ ދެލޯ ވަނީ ލޭކޮޅެއްހެން ރަތްވެފައެވެ. ތުރުތުރުއަޅަމުން ދިޔަ އިނގިލިތަކުން ގަލަން ހިފަހައްޓައިލަމުން، އެ ފޯމުގައި އޭނާ ސޮއިކޮށްލިއެވެ. އިޔާންގެ ފަރާތުން ހުއްދަ ލިބުމުން، އެ ދެ ނަރުހުން އޭނާއަށް ޝުކުރު އަދާކޮށް ހިތްވަރު ދިނެވެ. އަދި ލަސްނުކޮށް އަމީރާ އޮޕަރޭޝަން ތިއޭޓަރަށް ވައްދާނެ ކަމުގެ ޚަބަރު ދިނެވެ.
ބޭރަށް ނުކުތްއިރު، އިންތިޒާރުގައި ތިބި އެންމެން އައިސް އޭނާ ވަށައިލުމަށްފަހު ހާލަތު އޮޅުންފިލުވަން އަވަސްވެގަތެވެ. ނަމަވެސް، ހިތައް ކޮށްފައިވާ އަސަރުން އިޔާންގެ ދުލުން މާގިނަ ވާހަކަތަކެއް ބޭރެއް ނުވިއެވެ. ނަރުހުންގެ ވާހަކަ ކުރު ގޮތަކަށް ހިއްސާކުރުމަށްފަހު، އަމީރާ ގެންދެވުނު އޮޕަރޭޝަން ތިއޭޓަރާ ދިމާއަށް އޭނާ މިސްރާބު ޖެހިއެވެ. އެންމެންނަށް ފުރަގަސްދީ ހިނގައިގަތް ވަގުތު، އޭނާއަށް ރޮވިއްޖެއެވެ.
****
“ސާރ.. ކާރު ދުއްވަން އިން ޒުވާނާ ދިން ބަޔާނާ، ސީ.ސީ.ޓީ.ވީ ފުޓޭޖްތަކުން ފެންނަ މަންޒަރުތަކާ މުޅިން ދިމާވޭ. އޭނާގެ ފަރާތުން އިހުމާލެއް އޮތްކަމަކަށް މިހާތަނަށް ބެލި ބެލުމަކުން ފާހަގައެއް ނުކުރެވޭ” މަހުދީ ފެނުމާއި އެކު އޭނާގެ ގާތައް އައި އައިސް މަޑުކޮށްލި ދެ ފުލުސް އޮފިސަރުންގެ ތެރެއިން ޒައިދު ވާހަކަ ދެއްކިއެވެ.
“ހޫމްމް އޯކޭ، ދެން އެމީ ހޭ އެރީމަ ދެން އެމީގެ ސައިޑުން އެއްޗެއް ބުނެވޭނީ.. އަހަރުމެން ގުޅާލީމަ މިކޮޅަށް އަންނަގޮތައް އޭނާ ގެއަށް ދޫކޮށްލާ” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު މަހުދީ ބުނެލިއެވެ. ދެން އޭނާ ނެގީ އެ މައްސަލައާއި ގުޅިގެން އެމީހުން ގެނައި ފައިލެވެ. އޭގައި އޭނާ ތައްޔާރު ކުރަންޖެހޭ ބައެއް އިދާރީ ލިއުންތައް ހުރުމުން ބެލީ އެކަން ކުރަން ފެށުމަށެވެ.
“އަދި އިތުރު ކަމެއް އެބައިން.. އިންވެސްޓިގޭޝަނަށް ވަރަށް މުހިންމު ކަމެއް ފާހަގަވެފައިވަނީ” ދެން ހުރި އޮފިސަރު ނާޒިމް ބުނެލިއެވެ. ޝައުގުވެރިވީވަރުން އަލުން ފައިލު ލައްޕާލަމުން އަވަހަށް ބުނާށޭ ބުނެލިއެވެ.
މަޑުކޮށްލުމަށް ބުނެ ނުކުމެފައި، އެނބުރި އައީ ލެޕްޓޮޕެއް ހިފައިގެންނެވެ. ލެޕްޓޮޕް ހުޅުވާލައި، ސީ.ސީ.ޓީ.ވީ ފުޓޭޖްތަކުން ނަގާފައިވާ ފޮޓޯތަކެއް ދައްކާލިއެވެ. މަހުދީގެ ނިތައް ރޫ އަރައިގެން ދިޔައެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ފޮޓޯތަކުގައިވަނީ އަމީރާއެވެ. މަގުގެ އެކި ހިސާބުތަކުގައިވާ ކެމެރާތަކާއި އެހިސާބުގައިވާ ފިހާރަތަކުން މަގުމައްޗަށް ވާހެން ހުރި ކެމެރާތަކުން ނަގާފައިވާ އެކި މަންޒަރެވެ. ދެމީހުން ނުބުނެދިން ނަމަވެސް އެ ފޮޓޯތަކުން ފާހަގަ ވަމުން ދިޔަ ތަފާތު މަހުދީގެ ތޫނުފިލި ސިކުނޑިއަށް ނަގައިގަނެވޭކަށް އިރުތަކެއް ނުނެގިއެވެ. އެއިން ކޮންމެ ފޮޓޯއެއްގައިވެސް އަމީރާގެ ފަހަތުން ޒުވާން ފިރިހެނަކު ހުއްޓާ ފެނެއެވެ. މަޖީދީ މަގުގެ ހުރަސް ރޮނގާއި ހިސާބުން އަމީރާގެ އަތުގައި އެ ޒުވާނާ ހިފަހައްޓާ މަންޒަރު އަރާނެހެން ނަގާފައިވާ ފޮޓޯއެއް ވެސް އިނެވެ. ހުރިހާ ފޮޓޯއަކުން ކަހަލަ ގޮތަކަށް އޭނާގެ މޫނު ފެނެއެވެ. ވިއްސާރަކޯޓުގެ ހުޑު ބޮލަށް ވައްޓާލާފައި އޮތްނަމަވެސް އޭނާގެ މޫނު ފޮރުވަން މާބޮޑު މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ދެން އެމީހުން އަޅުވާލީ ވީޑިއޯއެކެވެ. މަހުދީ ޝައުގުވެރިކަމާއި އެކު ވީޑީއޯ ބަލަން ފެށިއެވެ.
“މި ވީޑިއޯ ބައްލަވާލައްވާ.. ވީޑިއޯ އަޅުގަނޑު ތައްޔާރުކޮށްފަ ވާނީ އެކި ކެމެރާތަކުން ނެގި އެކި މަންޒަރުތައް ބޭނުންކޮށްގެން.މިއީ މާފަންނު ސަރަހައްދުން ފެށިގެން އެކި ކެމެރާތަކުގެ ފުޓޭޖްތައް ގުޅުވައިގެން ތައްޔާރުކޮށްފައިވާ ‘ޓައިމްލައިން’ އެއް. އަމީރާ ފަސް އެނބުރި ބަލާލާ ކޮންމެ ފަހަރަކު، މި މީހާ ވަރަށް ހުށިޔާރުކަމާއެކު ކައިރީގައި ހުންނަ ފިހާރައަކަށް ނުވަތަ ގޯޅިއަކަށް ވަދެ ނިވާވޭ. އެކަމަކު އޭނާ އެ ދަނީ ފާޅުކަން ބޮޑު ގޮތެއްގައި އަމީރާއަށް ފާރަލަމުން. އެންމެ ފަހުން އަމީރާ ބިރުން ދުއްވައިގަތީ ސަހަރާ ކައިރިން މަޖީދީމަގަށް ނުކުމެވޭ ގޯޅިން. އެކްސިޑެންޓްވީ އޭނާ އެ ދުވިގޮތަށް ގޮސް މަގު ހުރަސްކުރަން އުޅުމުގެ ތެރޭގައި.” ނުހަނު ތަފްސީލާއި އެކު ކިޔައިދިނެވެ. މަހުދީ ނުހަނު ފަރުވާތެރިކަމާއި އެކު އެހުރިހާ މަންޒަރެއް ބަލަމުން ދިޔައެވެ.
“ފޭރޭ މީހަކަށް ވެދާނެބާއޭ މިހިތައް އަރަނީ” އޮފިސަރު ނާޒިމް އަހާލިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި މަހުދީ ދެފަރާތައް ބޯހޫރުވާލިއެވެ.
“ހިއެއް ނުވޭ ފޭރޭ މީހެއް ހެންނެއް..އަމީރާގެ ދަބަސް ޖަހައިގަންނަން ވެސް ކިތައް ފުރުސަތު އޭނާއަށް ލިބިއްޖެ މިތަނުން ވެސް.. އަތް ދަމާލައިފިއްޔާ ޖެހޭ ހިސާބުން ވިއްޔަ އެހިނގަނީ.. އެކަމަކު އެކަހަލަ ކަމެއް ކުރަން ނޫޅެ، އޭނާ ހަމަ ދެޖީބަށް އަތްޖަހާލައިގެން ފަހަތުން އެދިޔައީ.. އެކްސިޑެންޓްވީ ހިސާބުން އޭނާ ހުރަސް ރޮނގުމަތީގަ ހުރެފަ ދެން އެދިޔައީ ކޮންތާކަށް؟ އައި ނީޑް އެވްރީ އިންފޯމޭޝާން އެބައުޓް ދިސް ގާއީ..އަމީރާގެ ފޯނު ކޮބާ؟” ލެޕްޓޮޕްގެ ސްކުރީނުގައި އިނގިލިން ޖައްސާލައިގެން ހުރެ މަހުދީ ވާޙަކަ ދައްކަމުން ދިޔައެވެ.
“ސާރ، އަޅުގަނޑުމެން ބަލައިފިން.. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ފެންނާކަށް ނެތް. ހުރަސް ރޮނގާ ހިސާބުގައި ހުރެފައި ދެން އޭނާ އަޅާލީ ވައަތް ފަރާތުން މި ފެންނަ ހަނި ގޯޅިއަށް. އެ ހިސާބުގައި ކެމެރާއެއް ނެތުމުން އޭނާ މުޅިން ގެއްލުނީ.. ދެން އަމީރާގެ ފޯނު.. އެ ފެނުނުއިރު އޮތީ ފެން އެޅިގެން މުޅިން ނިވިފައި. އަދި ހުޅުވޭ ގޮތެއް ނުވޭ” ޒައިދު ޖަވާބުދިނެވެ.
” އަމީރާގެ ފޯނު ނިވިފައި އޮތުމަކީ މި ވަގުތަށް އޮތް ހުރަހެއް، އެކަމަކު އެއީ ތަހުގީގު ހުއްޓޭނެ ސަބަބެއް ނޫން.. އެފޯނު ހަލާކުވިޔަސް، އަހަރެމެންގެ އަތުގައި ސިމް ކާޑުގެ މައުލޫމާތާއި އައި.އެމް.އީ.އައި ނަންބަރު އެބައޮތް. ނާޒިމް، މިހާރުން މިހާރަށް ސާވިސް ޕްރޮވައިޑަރުން މެދުވެރިކޮށް ‘ޓަވަރު ޑަމްޕް’ އެނަލިސިސްއެއް ހަދަން ފޮނުވާ. އަމީރާގެ ފޯނު ސިގްނަލް ކެނޑުނު ވަގުތާ ހަމައަށް، އޭނާ ދަތުރުކުރި މަގުން އޭނާއާ އެކީ ‘މޫވް’ ކުރި އެހެން ފޯނު ނަންބަރެއް ހޯދަންވާނެ. އެއީ އެ މީހަކު ދެނެގަންނަން އޮތް އެންމެ ކުރު މަގު” މަހުދީ ގޮނޑިން ތެދުވެ ނާޒިމްގެ ކައިރީގައި ހުއްޓިލިއެވެ. މަހުދީ ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަން ހުރެފައި ނާޒިމް ބޯޖަހައިލިއެވެ. އިތުރަށް އޭނާ މަޑުނުކޮށް އެ މަސައްކަތާއިގެން ދިޔުމުން މަހުދީ އެނބުރިލީ ޒައިދުއާއި ވީ ފަރާތަށެވެ. އަދި ލެޕްޓޮޕްގެ ސުކުރީނު އޭނާއަށް ފެންނާނެހެން އަނބުރާލިއެވެ.
“ޒައިދު، މި ފުޓޭޖްތަކުން އޭނާގެ މޫނު ފެންނަ އެންމެ ސާފު ފޮޓޯތައް ކްރޮޕްކޮށްފައި، ސީ.ސީ.އައި.ޑީގެ ފޭޝަލް ރިކޮގްނިޝަން ޔުނިޓަށް ފޮނުވާ. ކްރިމިނަލް ރެކޯޑްސް ބަލައިގެން އޭނާއަކީ މީގެ ކުރިން ކުށުގެ ރެކޯޑެއް އޮތް މީހެއްތޯ ކަށަވަރުކުރޭ. މްމްމް ދެން، އޭނާ އެންމެ ފަހުން ވައިން ގޯޅި ހިމެނޭ ސަރަހައްދުގެ ޑޯ-ޓު-ޑޯ ސާވޭއެއް ހަދައި، އެއްވެސް ގެއެއްގެ ޕްރައިވެޓް ކެމެރާއަކަށް އޭނާ އަރާފައިވޭތޯ ބަލާ.” ކަންކުރަންވީ ގޮތް މަހުދީ ކިޔައިދިނެވެ.
” ޒައިދު، މިހާރު އެގާރަ ޖަހަނީ… އަހަރެން ބޭނުން މާދަމާ މެންދުރު ދޭއްގެ ކުރިން އެއީ ކާކުކަން އެނގެން! ލަސްނުކޮށް މަސައްކަތް ފަށާ!” ޒައިދު ބޯޖަހައިލިއެވެ. ލެޕްޓޮޕު ނަގައިގެން އޭނާ ނުކުންނަން ދިޔައެވެ.
****
އިންތިޒާރުގެ ވަގުތުތައް ނިމުނީ އެރޭ ބާރަ ޖެހުމާއި ގާތްވެފައި ވަނިކޮންނެވެ. ޑޮކްޓަރުންގެ ޓީމު ތީއޭޓަރުން ނުކުތް ހިނދު އެންމެން ޖަމާވިއެވެ.
“އަމީރާ ކިހިނެތް؟ ހާލު ރަނގަޅުތޯ؟” އެންމެ ފުރަތަމަ ވެސް އިޔާންއަށް އަހާލެވުނެވެ. އޭނާގެ ކެތްތެރިކަން ކުޑަވެފައިވާ މިންވަރު އެކަމުން ވެސް ހާމަވެއެވެ. ފަހަތުގައި ސަދަފް ހުރެފައި އިޔާންގެ ކޮނޑުގައި އަތް އަޅުވާލިއެވެ.
“އައްސަލާމް އަލައިކުމް. އަޅުގަނޑަކީ މި ހޮސްޕިޓަލުގެ ލީޑް ނިއުރޯސާޖަން، ޑރ. މުޙައްމަދު ޝަރީފް. އަމީރާ މިތަނަށް ގެނެވުނު ވަގުތުން ފެށިގެން ކޭސްއާ ހަވާލުވެ، މިހާރު މި ނިމުނު އިމަޖެންސީ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސީދާ އަޅުގަނޑުގެ އިސްނެގުމުގެ ދަށުން.. އަޅުގަނޑުމެން މި ނުކުތީ ވަރަށް އުނދަގޫ ސާޖަރީއަކަށްފަހު. އިރާދަކުރެއްވީތީ އިމަޖެންސީގައި ކުރަންޖެހުނު ކަންކަން މިވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފަ” ޑޮކްޓަރުގެ ފުރަތަމަ ޖުމްލައާއެކު އެންމެންގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ޑޮކްޓަރުގެ މޫނުމަތިން ފެންނަމުންދިޔަ ކަންބޮޑުވުން ފިލައިގެނެއް ނުދެއެވެ.
“ނަމަވެސް، ސާޖަރީގެ ތެރޭގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކަމެއް ފާހަގަކުރެވުނު. އަމީރާގެ ބޮލުގެ އެތެރޭގެ ސްޓްރަކްޗާ ހުރި ގޮތުންނާއި، ސިކުނޑީގެ ބައެއް ހިސާބުތަކަށް ލިބިފައި ހުރި ގެއްލުންތަކަށް ބަލާއިރު، މިއީ އޭނާގެ ބޮލަށް ލިބުނު ފުރަތަމަ އަނިޔާއެއް ނޫންކަން ބުނަން އެބަ އެނގޭ.. ސިކުނޑީގައި ކުރީގެ ސްކާސް ނުވަތަ ބޮޑު އަނިޔާއެއްގެ އަސަރު ފެންނަން އެބަހުރި.
ބޮޑަށް ބެލެވެނީ ކުރިން ބޮޑު އެކްސިޑެންޓަކާ ކުރިމަތިލާފައި ހުރި ކަމަށް. އެދުވަހު ލިބުނު ގެއްލުމުގެ ސަބަބުން ސިކުނޑީގެ އެ ހިސާބުތައް ހުރީ ކުރިންވެސް ވަރަށް ބޮޑަށް ބަލިކަށިވެފަ. މީގެ ކުރިން އެފަދަ ކަމެއް ހިނގާފައިވޭތޯ؟” ޑޮކްޓަރު ސުވާލު ކޮށްލިއެވެ.
“ލައްބަ ކުރިން އަމީރާ އުޅުނީ ސްޕެއިންގަ.. އެކޮޅުގަ އުޅެނިކޮން ކުޑަ އެކްސިޑެންޓެއް ވެފަ ވަނީ” މާރިއާއާއި ލުއިސްގެ ފަރާތުން ލިބިފައިވާ މަދު މައުލޫމާތުތަކަށް ބުރަވެ ހުރެ، ނަދީމް އަވަސް އަވަހަށް ޖަވާބުދިނެވެ. އެއާއެކު ޑޮކްޓަރު ޝަރީފްގެ ނިތަށް ރޫ އަރައިގެން ދިޔައިރު، ސަދަފްއާއި ޔުމާންއަށް އެކަކު އަނެއްކަކަށް ދެވުނީ އަވަސް ނަޒަރެކެވެ. އިޔާން ހުރީ އިސްޖަހައިގެންނެވެ.
“ކުޑަ އެކްސިޑެންޓެކޭ؟ ނޯ ނޯ ނޯ!.. ނޯ ވޭ!.. ސިކުނޑީގެ އެތެރެއިން މި ފެންނަނީ ވަރަށް ބޮޑުވަރު ވެފައިވާ ނިޝާންތަކެއް. ތިޔަބޭފުޅުން ކުޑަ އެކްސިޑެންޓެކޭ ބުނުމުން އަޅުގަނޑު މިހުންނަނީ ވަރަށް ބޮޑަށް ހައިރާންވެފަ. ޕޭޝަންޓްގެ އެއްވެސް ވަރަކަށް މެމޮރީ ލޮސް ކަހަލަ އިޝޫއެއް ހުރޭތަ؟” ޝަރީފް އަހާލިއެވެ. އެއާއި އެކު ނަދީމް ދެފަރާތައް ބޯ ހޫރުވާލާފައި ވާހަކަ ދައްކަން އުޅުނެވެ.
“އެ އެކްސިޑެންޓަށް ފަހު އެމީ ބިރުގަނޭ މަގުހުރަސްކޮށް ހަދަން.. އެކަމަކު މެމޮރީއަކަށް އަސަރެއް ނުކު-”
“އުމުރުން ފަސް އަހަރުގައި ހިނގި އެކްސިޑެންޓެއް އެއީ” ނަދީމްގެ ވާހަކަ ހުއްޓުވަމުން އިޔާން އިސްއުފުލާލާފައި ބުންޏެވެ.
“އެދުވަހަށް ފަހު އެމީގެ ކުރީގެ އެއްވެސް މެމޮރީއެއް ނުހުންނާނެ… އޭގެ ފަހުން މަގުމައްޗަށް އެކަނި ނުކުމެ ނޫޅެވޭ.. މަގު ހުރަސް ކުރަން އަމުދުން ނުކެރޭ.. ކުރިން ދިރި އުޅުނީ ސްޕެއިންގަ.. އޭގެ ފަހުން ރާއްޖެ އައިތަނުން އެމީއަށް ފްލޭޝްބެކްސް އަންނަންފެށީ .. ޕެނިކްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު.. މިހާރު ތެރެޕީ ނަގަމުން މިދަނީ” ހަމަހިމޭންކަމާއި އެކު ހުރެފައި، އިޔާން އެ ހަގީގަތް ހާމަކުރީ ނަދީމަށް ހަގީގަތް ނޭނގި ޑޮކްޓަރުންނަށް ނުބައި މައުލޫމާތެއް ދެވިއްޖެނަމަ، އަމީރާގެ ފަރުވާއަށް ހުރަސް އެޅިދާނެތީއެވެ. ޑޮކްޓަރުންގެ މޫނުމަތިން ފެންނަ ކުލަވަރުން ކަންކަން މާ ރަނގަޅު ނޫންކަން އިޔާންއަށް އިހުސާސު ކުރެވެއެވެ.
“ވަޓްޓް؟” ދެލޯ ބޮޑުވެފައި ހުރެ މަޖުދާއަށް އެހުނެވެ. ނަދީމްއަށްވެސް ވެސް ހުރެވުނީ އެސިހުމުގައެވެ.
“ފަހުން ކިޔައިދޭނަން މަންމާ” މަޖުދާ އާއި ނަދީމްއަށް ވެފައި ތިބިގޮތުން ނާޔާ މަޑުމަޑުން ބުނެލިއެވެ. ނާޔާ އަހައިލީ ދެން އަމީރާގެ ހާލަތާއި ބެހޭގޮތުންނެވެ.
“ދެންމެ ތިޔަ ބުނި މައުލޫމާތަކީ ވަރަށް މުހިއްމު މައުލޫމާތެއް.. ސިކުނޑިއަށް ލިބޭ މިފަދަ އަނިޔާތަކަށް ފަހު ހަނދާން ނެތުމަކީ ހަމަ ވަރަށް އާންމުކަމެއް..ނަމަވެސް، ކުރީގެ އެ އަނިޔާގެ ސަބަބުން ސިކުނޑީގެ ނިއުރަލް ނެޓްވޯކް ތަކަށް ވަނީ ކުރިންވެސް ބޮޑެތި ލޮޅުންތަކެއް އަރާފައި. މިފަހަރުގެ އެކްސިޑެންޓުގައި ސިކުނޑީގެ ހަމަ އެ ނާޒުކު ހިސާބުތަކަށް ގެއްލުން ވުމަކީ، އަޅުގަނޑުމެން މިކުރާ ފަރުވާއަށް އޮތް އެންމެ ބޮޑު ގޮންޖެހުން”
“ޑޮކްޓަރު، އޭގެ މާނައަކީ ކޮބައިތޯ؟ އެމީއަށް ކިހިނެއްތޯ ވާނީ؟” ޔުމާންއަށް ތުރުތުރުލާ އަޑަކުން އަހާލިއެވެ.
“ބައްލަވާ، އަމީރާގެ މިހާރުގެ ހާލަތަށް ބަލާއިރު އޭނާ އެއޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާ އެއްގަ ނޫން. ޕޭޝަންޓް އަމިއްލައަށް އެދިޔައީ ޑީޕް ކޯމާ އަކަށް. މިއީ ސިކުނޑިއަށް ލިބުނު ބާރު ޝޮކުގެ ސަބަބުން، ހަށިގަނޑު އަމިއްލައަށް ރައްކާތެރިކަން ހޯދުމަށް ޝަޓްޑައުން ވުމުން ވާގޮތެއް. ކުރީގެ އަނިޔާތަކާ ގުޅިގެން ސިކުނޑީގެ ދުޅަ ތިރިވުމަށް އާދަޔާޚިލާފަށް ގިނަ ވަގުތު ނަގާނެ. އަދި ޕޭޝަންޓް ހޭއެރިޔަސް، އޭނާގެ ހަނދާނަށް ނުވަތަ ހަށިގަނޑުގެ ހަރަކާތްތަކަށް އަންނާނެ ބަދަލެއް މިވަގުތު އަންދާޒާކޮށްލުމަކީވެސް ނުހަނު ދަތި ކަމެއް” ޑޮކްޓަރު ޝަރީފް އާއިލާގެ މޫނުތަކަށް ބަލައިލީ ހިތްވަރުދޭ ފަދަ އޯގާތެރި ނަޒަރަކުންނެވެ.
“އަޅުގަނޑުމެން މިވަނީ ޕޭޝަންޓް ވެންޓިލޭޓަރަށް ލާފައި. އަމީރާގެ ފުރާނަ މިހާރު އެ ހިފަހައްޓައިދެނީ އެ މެޝިންތަކުގެ އެހީގައި. ކުރިއަށް އޮތް ސައުވީސް ގަޑިއިރަކީ ޕޭޝަންޓުގެ ހަޔާތުގެ އެންމެ ނާޒުކު ވަގުތުކޮޅު. މި ވަގުތުގެ ތެރޭގައި ސިކުނޑީގެ ޕްރެޝަރަށް އަންނަ ބަދަލުތަކަށް ބަލާފައި ނޫނީ އިތުރު ފަރުވާއެއް ކުރިއަށް ގެންދާނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭނެ. މިވަގުތު އެއްވެސް މީހަކަށް އެތެރެއަށް ވަނުމަކީ ޕޭޝަންޓުގެ ފުރާނައަށް އޮތް ބޮޑު ނުރައްކަލެއް. އެއީ އިންފެކްޝަންގެ ބިރުވެރިކަން އިންތިހާއަށް އޮތީމަ އިނގޭތޯ” ޑޮކްޓަރުގެ ވާހަކަތަކުން ހުރިހާ އެންމެންގެ މޫނުތައް ހުދުވާން ގިނައިރެއް ނުނެގިއެވެ. ކުރިން ލިބުނު ހިތްހަމަޖެހުން އެކީގައި ފަނޑުވެގެން ދިޔައިރު ލޯތައް ބަބުޅަން ފެށީ އަނެއްކާވެސް ތާޒާ ކަރުނައިންނެވެ.
“ޑޮކްޓަރ، އަޅުގަނޑުމެންނަށް އެންމެ ފަހަރަކު ނަމަވެސް ޕޭޝަންޓް ފެންނާނެ ގޮތެއް ނުވާނެތޯ؟” ނާޔާ އާދޭހާއެކު އަހާލިއެވެ. އޭރު އޭނާގެ ދެލޮލުގައިވި ކަރުނަތައް ކޯތަފަތް މައްޗަށް ފައިބަމުން ދިޔަ މަންޒަރު ސާފްކޮން ފެނެއެވެ.
“މިވަގުތު އެއްގޮތަކަށްވެސް އެކަން ކުރެވޭކަށް ނެތް.. އެންމެ އަވަހަށްވެސް ސައުވީސް ގަޑިއިރު ފަހުން، ހާލަތު ސްޓޭބަލް ވޭތޯ ބަލާފައި ނޫނީ އެތެރެއަށް ވަނުމުގެ ހުއްދައެއް ނުދެވޭނެ. މިވަގުތު އެންމެ މުހިއްމީ ޕޭޝަންޓަށް ފުރިހަމަ ހަމަހިމޭންކަމާއި މެދުކެނޑުމެއްނެތް ފަރުވާ ލިބިލިބި ހުރުން. ތިޔަބޭފުޅުން ހިތްވަރުކުރައްވާ ދުއާކޮށްދެއްވާ.” މިފަހަރު ވާހަކަ ދެއްކީ ޑޮކްޓަރާއި ގާތުގައި ހުރި ނަރުހެވެ. އެވާހަކައަށް ބާރުދެމުން ޑޮކްޓަރާއި ދެން ތިބި ނަރުހުން ބޯޖަހާލިއެވެ. އެމީހުން އެތަނުން ދިއުމަށް ހިނގައިގަތެވެ.
އެމީހުންގެ ވާހަކަތައް އިވޭ ހިސާބުގައި ހުރެފައި އިޔާން ފަސް އެނބުރިލިއެވެ. އިތުރަށް ހުންނާނެ ހިތްވަރު ނުލިބުނީއެވެ. ލަސް ފިޔަވަޅުތަކެއްގައި ހިނގާލާފައި ގޮސް އެރީ ލިފްޓަށެވެ. ޓެރެހަށް އެރެން އިން ފަންގިފިލާއަށް ފޭބިއެވެ. ޓެރެހަށް ނުކުމެވުނު އިރު ހަށިގަނޑުގައި އައިސް ބީހިލީ ތެތްފިނި ވައިރޯޅިތަކެވެ. ރެއިލިންގައި އަތް އަޅުވާލެވުނު އިރު އިޔާން ދޫކޮށްލެވުނީ ހޫނު އެހެނަސް ފުން ނޭވައެކެވެ. އެހިނދު އޭނާގެ އެންމެ އިޝާރާތަކަށް ބަލަބަލާ ތިބި ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ. ޑޮކްޓަރުންގެ ކޮންމެ ބަހެއް އިޔާންގެ ސިކުނޑީގައި ހަރުއަޑުން ގުގުމަމުން ދިޔައިރު ކެތްނުވާ މިންވަރަށް ދިޔައީ ހިތުގައި ވޭން އަޅަމުންނެވެ.
ދެލޯ މަރާލެވުނު އިރު އަރުތެރެއިންން ބޭރުލެވުނީ ވޭނީ އާހެކެވެ. މުޅިމޫނަށް ރުއިމުގެ ސަބަބުން ވެރިވެފައިވަނީ ރަތްކަމެވެ. އެހެން ހުރެފައި ދެލޯ ހުޅުވާލީ މިހެއްގެ އަތް އޭނާގެ ކޮނޑުމަތީގައި ބާއްވާލި އިޙްސާސްއިންނެވެ. ނަމަވެސް ފަސް އެނބުރިލާކަށް ނޫޅުނެވެ.
“ވޭކް އަކް އިޔާ،.. އެނގޭ ދެރަވާނެ ކަން..އެކަމަކު ތިހެން މާޔޫސްވެފަ ނުހުރޭ.. އެމީ ނީޑްސް ޔޫ ” ނާޔާގެ އަޑަށް އިތުރަށް އިޔާންއަށް ރޮވުނީއެވެ. ނާޔާ ކުރިމައްޗަށް އެރުމުން އޭނާއަށް ނާޔާގެ ގައިގާ ބައްދާލެވުނެވެ. ނާޔާގެ ކޮނޑު ތެއްމަން ފެށުނީ އޭނާގެ ހޫނު ކަރުނައިންނެވެ. ނާޔާ ވެސް އިޔާން ހަމަޖެހިލަންދެން އުނަގަނޑުގައި ފިރުމާލަ ފިރުމާލަ ހުއްޓެވެ.
“ހިތްވަރު ކުރަން ވާނެ.. ޑޮކްޓާރސް އެބަދޭ ހޯޕްއެއް، އެހެންނު.. އެމީހުން ބުނާގޮތައް ކެތްތެރިވެ ތިބެ ދުއާ ކުރަންވީ.. އިންޝާﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ..” ކޮނޑުމަތިން ބޯހިއްލާލިއިރު އިޔާންގެ ދުޅަވެފައިވާ ދެލޯ ފެނި ނާޔާ ދެރަވިއެވެ. އެހެނަސްކުރާނެ ކަމެއް ނެތެވެ. އޭނާއަށް ވެސް ދެވޭނީ ހިތްވަރެވެ.
“ހިނގާ ދޮންތައާއި އެއްކޮން ގެއަށް… ސައުވީސް ގަޑި އިރު ވީމަ އެނގޭނީ އެމީއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް” އިޔާން ދެލޯ ފުހެލިތަން ފެނި ނާޔާ ޥާހަކަ ދެއްކިއެވެ.
“ނޫން.. އެމީއަށް ވާނުވާ ނޭނގެނީހެއް މިތާކުން ނުދާނަން..”އިޔާން އެންމެ ފަހުގެ ނިންމުން އިއްވާފައި އެތަނުން ނުކުންނަށް ދިއުމުން ނާޔާއަށް ވެސް ދޫކޮށްލީ ފުން ނޭވާއެކެވެ.
****
ވިޝާމް ކެބިން ތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައިރު، އޭނާގެ ސިކުނޑި ވަނީ ފިކުރުތަކުން ބަރުވެފައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއިރު ހެނދުނު އަށެއް ޖަހަނީއެވެ. ރެއިން ފެށިގެން އޭނާ ހުރީ ނުނިދާ އޮފީހުގައެވެ. މޫނުމަތިން ވަރުބަލިކަން ފެނުނަސް، ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ކެބިންގެ ސޯފާތަކުގައި އިއްޔެ ބަދިގޭގައި އުޅުނު މުވައްޒަފުން ތިބީ އިސްޖަހާލައިގެންނެވެ. އެމީހުންވެސް އެތަނުގައި ތިބެނީ ރެއިންސުރެންނެވެ. ވިޝާމްގެ ވަރުގަދަ އަމުރަކަށް، ސެކިއުރިޓީ އޮފިސަރުން، އެތަނުން އެކަކަށްވެސް ބޭރަށް ނުނިކުމެވޭނެހެން ދޮރުމަތީގައި ފާރައަށް ތިއްބެވެ.
“ޒަން، ބުނީމެންނު ގޭގަ މަޑުކޮށްލާށޭ” ކެބިންގެ ތެރެއަށް ޒަންޔާވަތް މަންޒަރު ފެނުމުން ވިޝާމްއަށް އަވަސްއަވަހަށް ގާތައް އާދެވުނެވެ. ނުހަނު ކަންބޮޑުވެފައި ހުރެ ޒަންޔާގެ ކޮނޑުގައި ދެއަތުން ހިފާލިއެވެ.
“ދައްކާ ވާޙަކަ! އަހަރެން ކިހިނެތް ގޭގަ ދެފައި ދަމާފަ ނިދަން އޮންނާނީ، އެމީ އެހާލުގަ އޮތްވަ” ޒަންޔާ ވާހަކަ ދެއްކި އިރު ވެސް ހުރީ ރޮވިފައެވެ. ވިޝާމް ވެސް އިތުރަށް އެއްޗެއް ނުހަދާ ގޮނޑިއެއް ދަމާލާފައި ޒަންޔާ ގެނެސް ބެއިންދިއެވެ.
“ކުރިއެރުމެއް ލިބޭތަ؟” ޒަންޔާ މޫނު ފުހެލަމުން އަހާލިއެވެ. ވިޝާމް ބޯޖަހައިލިއެވެ.
“ކުރިއެރުން އެބަ ލިބޭ.. އެކަމަކު ވަރަށް ގޯސް އެ ކަސްޓަމާރ ނިޔާވެއްޖެ..” ވިޝާމްގެ ދެލޮލުގައި ވަނީ ޒާތެއްގެ އުނދަގޫ ވޭނެވެ. މިކަމުގެ ތެރެއިން ވިޔަފާރިއާއި ހައިކަލްގެ ގަދަރަށް ވެސް ވެގެންދާނެ ގޮތެއް ނޭގެއެވެ. އެކަމާއި ވެސް ވިޝާމްގެ ހިތް ތެޅިފޮޅެމުންދިޔައެވެ.
“ނިޔާވެއްޖެއޭ؟ ބުނީމެންނު އޭނާގެ ހާލު ރަނގަޅޭ؟” ޒަންޔާގެ އަނގަހުޅުވުނެވެ.
“ހާލަތު ރަނގަޅުވީކީ ނޫން… އޭނާ ހޭވެރިކަމެއް ނެތިފަ އޮވެފަ ހޭ އެރީ.. އެހެންވެ މަންހާ އެހަބަރު އެންމެންނަށް ދިނީ.. އެކަމަކު އޭނާ އޮތީ އޭރުވެސް އައިސީޔޫގަ.. ފަތިސްވެގެން އައިވަގުތު ނޭވާ ނުލެވި ތެޅިފޮޅެމުން ދަނިކޮން ކާޑިއެކްއެރެސްޓަކަށް ގޮސްގެން އިރުކޮޅެއް ކުރީން ނިޔާވި ހަބަރު އެދިނީ.. ” ދެރަވެލާފައި ވިޝާމް ކިޔައިދިނެވެ.
“ސުބުހާނަﷲ.. ދެން ކިހިނެތް ހަދަނީ.. ހެއްކެއް ނުހޯދިއްޖެނަމަ އެމީ-” ޒަންޔާއަށް ދެފަރާތައް ބޯހޫރުވަންފެށުނެވެ. އަނެއްކާވެސް ރޮވިއްޖެއެވެ.
“އިރާދުކުރެއްވިޔާ އަހަރެމެންނަށް ކާމިޔާބު ލިބޭނެ..މިއަދު މިކަން ކޮޅެއްގަ ޖައްސާފަ މަ ނޭވާ ވެސް ލާނީ..މީހެއްގެ ފުރާނަ ނަގާލާފަ ކާކަށް ސަލާމަތް ވެވޭނީ؟ ހާއްސަކޮން އަހަރެމެންގެ ލެއާއި ކުޅުނު އެކަކަށް ވެސް ސަލާމަތުން ނުދެވޭނެ” ވިޝާމްގެ އަޑުގައިވަނީ ސާފު ރުޅިވެރިކަމެވެ.
“މަށަށް ސަތޭކަ ޕަސެންޓް ޔަގީން މިއީ މަންހާގެ ނުބައި ޖަރީމާއެއްކަން. މިހާރު މިތަނުން މަދުވަނީ ކިޗެން އެސިސްޓެންޓް ސުޒީއާއި އިއްޔެ އެ ގަޑީގަ އުޅުނު ވެއިޓަރު. ދެމީހުންނަށް ގުޅާ ގުޅާ ފޯނެއް ނުނެގި. އެހެންވީމަ އެނގެއެއްނު ކޮންމެވެސް ގޯހެއް އުޅޭކަން؟ މިހާރު ފުލުހުން އެދަނީ އެމީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް.. ރޭގަ މަ އައިސް މިތާ ތިބި އެންމެންނާ ވަކިވަކިން ސުވާލުކުރިން. އެންމެންގެ ދުލުންވެސް އިވެނީ އެއް ވާހަކަތަކެއް. އެމީ އެފަދަ ކަމެއް ނުކުރާނެކަމާއި ސުޒީގެ ވިއަރޑް ބިހޭވިއަރ…ސުޒީގެ އުޅުން ހުރިގޮތުން މިއެންމެންވެސް ތިބީ ޝައްކެއްގެ މަތީގަ. އެންމެ ބޮޑު ހެއްކަކީ، ބަދިގޭގެ ކެމެރާތަކާއި ކާބޯތަކެތި ނެރޭ ހިސާބުގެ މަންޒަރުތައް ގަސްތުގަ ފުހެލާފައި ހުރުން..އެކަމަކު އެމީހުންނަށް ނޭނގުނު ކަމަކީ، ފުހެލާ ކޮންމެ އެއްޗަކީ އަލުން ހޯދޭނެ އެއްޗެހިކަން. އައިޓީ ކުދިން މިހާރު އެދަނީ އެ މަންޒަރުތައް ރީސްޓޯރ ކުރަމުން. އޭރުން ހުރިހާ ހަގީގަތެއް އެނގޭނެ. މިތގަ ނީންނާނެ ބްލައިންޑު ސްޕޮޓެއް.. އެމީ ކައްކާ ނިންމާފަ ސުޒީއާ ތަށިތައް ހަވާލުކުރި ފަހުން އޭނާ ހެދި ގޮތާއި، ވެއިޓަރުގެ އަތަށް އެތަކެތި އެރީ ކިހިނެއްކަންވެސް އޭރުން އޮންނާނީ ފެންނަން” ވިޝާމް ބުންޏެވެ. ޒަންޔާ ބޯޖަހައިލިއެވެ.
“ސާރ ފޫޓޭޖްސް ރީސްޓޯވެއްޖެ” ކެބިންގެ ތެރެއަށް ވަދެގެން އައީ ފާރިހްއެވެ. އޭނާގެ ފާހަތުން ލެޕްޓޮޕެއް ހިފައިގެން އައިސް މަޑުކޮށްލީ އައިޓީ ޓޭކްނިޝަނުންނެވެ. ވިޝާމް އަންގާލުމުން ލެޕްޓޮޕުން މަންޒަރުތައް އަޅުވާލަމުން ދިޔައެވެ.
ފުރަތަމަ ފެނުނީ ބަދިގެ އެތެރޭގެ މަންޒަރެވެ. އަމީރާ ކައްކަމުން ދިޔައީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ކެއްކުމުގެ ކުރިން އޭނާގެ ހުރިހާ ސާމާނެއް ދެފަހަރަށް ޗެކްކޮށް، ސާފުތާހިރުކަމަށް ދިން ސަމާލުކަން ވީޑިއޯގެ ތެރެއިން ވަރަށް ރީތިކޮށް ފެނެއެވެ. ކެއްކުމަށްފަހު އަމީރާ ތަށްޓަށް ކާތަކެތި އަޅާ ރީތިކޮށްލުމާއެކު، ސުޒީ އައިސް އެ ތަށިތައް ހިފައިގެން ހިނގައިގަތެވެ.
ދެން އަޅުވާލީ ބަދިގެއިން ބޭރަށް ނުކުމެވެން ހުރި ކެމެރާއެވެ. ސުޒީ ތަށިތައް ހިފައިގެން ސާރވް އޭރިއާއަށް ދިއުމުގެ ބަދަލުގައި، ވަށައިގެން ބަލާލާފައި މިސްރާބު ޖެހީ ފާހާނާ ބަރިއާ ދިމާލަށެވެ. ފާހާނާ ބަރި ހުންނަނީ ސާރވް އޭރިއާއާ މުޅިން އިދިކޮޅު ފަރާތުގައެވެ.
ދެން ފެނުނީ ފާހާނާ ބަރި ފެންނަ ގޮތަށް ހުރި ކެމެރާގެ މަންޒަރެވެ. ސުޒީ ދެފަރާތް ބަލަމުން، ބަނޑުގައި ތަށި ލައްކޮށްލައިގެން ހުރެ، އޭނާގެ ޔުނީފޯމް ޖީބުން ކުޑަ ފުޅިއެއް ނެގިއެވެ. އަދި އެ ފުޅީގައި ހުރި އެއްޗެއް ތަށީގެ ތެރެއަށް އަޅާލުމަށްފަހު، އިނގިލިން އެ އެއްޗެހި ގިރުވާލިއެވެ. އެއަށްފަހު ފޯނު ނަގައި މީހަކަށް ގުޅާލިތާ މާގިނައިރެއް ނުވެ، އެތަނަށް ވެއިޓަރު އައިސް މަޑުކޮށްލިއެވެ. ދެމީހުން ދޭތެރޭގައި ސިއްރު ވާހަކަތަކެއް ދެކެވުމަށްފަހު، ސުޒީ ތަށި ހަވާލުކުރުމުން ވެއިޓަރު އެ ހިފައިގެން އަވަސް އަވަހަށް އެތަނުން ދިޔައެވެ.
ސުޒީ އެތަނުން ނުގޮސް، ޖީބުން ސިނގިރޭޓް ފޮއްޓަކާއި ލައިޓަރެއް ނަގައި ރޯކޮށްލިއެވެ. އޭނާ ފާރުގައި ލެނގިލައިގެން ހަމަޖެހިލައިގެން ހުއްޓާ، މަންޒަރުގެ ތެރެއަށް ވަނީ މަންހާއެވެ. މަންހާ އައިސް އެއްވެސް ޖެހިލުމެއް ނެތި ސުޒީގެ އަތުން ސިނގިރޭޓް ފޮށި ނަގައި، އަމިއްލައަށް ސިނގިރޭޓެއް ރޯކޮށްލިއެވެ. ދެމީހުން އެކީގައި ސިނގިރޭޓް ބޯން ތިބިއިރު، އެމީހުންގެ މޫނުމަތިން ފެންނަ ކާމިޔާބީގެ ހިނިތުންވުން ސިއްރެއް ނުވެއެވެ.
މަންހާ ފެނުމާއެކު ކެބިން ތެރޭގައި ތިބި އެންމެންނަށް އެކަކު އަނެއްކަކުގެ މޫނަށް ބަލާލެވުނެވެ. ވިޝާމްއަށް ޒަންޔާގެ މޫނަށް ބަލާލެވުނުއިރު، ޒަންޔާގެ މޫނުމަތިން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އޭނާގެ ދަތްކުނޑިވިކާލި ގޮތުން، އެ ހިތުގައި ހުރި ނަފުރަތު ހާމަވެއެވެ.
“މި ސުޒީ ވަރަށް ގިނައިން އުޅޭނެ މަންހާ މެޑަމްއާއި އެއްކޮން” އެތަނުގައި މަޑުކޮށްލައިގެން ހުރި އެހެން ކިޗެން އެސިސްޓެންޓެއް ބުނެލިއެވެ. އޭނާއާއި އެއްބައިވުމުގެ ގޮތުން ދެން ތިބި މުވައްޒަފުންވެސް ބޯޖަހައިލިއެވެ.
ވިޝާމް ބަހެއް ނުބުނެ އަނެއްކާ ވެސް ދެން ފެންނަމުން ދިޔަ މަންޒަރު ބަލަން ފެށިއެވެ. ސުޒީ އާއި މަންހާ ސިނގިރޭޓު ބޯން އެހެން ތިއްބާ، މަންހާގެ ފޯނަށް ކޯލެއް އައުމުން ، ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އެތަނުން ދިޔައެވެ.
“އެތަނުން މަންހާ އެދަނީ މައްޗަށް ހެން ހީވަނީ.. ކަސްޓަމާރ ފުޑް ޕޮއިޒަންވި ހަބަރު އަޅުގަނޑު އޭނާއަށް ދިނީ.. އަޅުގަނޑު ގުޅި ގަޑި އެބަ ދިމާވެ ސްކުރީނުން ފެންނަން އިން ޓައިމްއާއި” ފާރިހް ދައްކާލީ އޭނާގެ ފޯނެވެ. އޭނާގެ ފޯނުން މަންހާއަށް ގުޅި ވަގުތާއި ޑެސްކްޓޮޕް ސްކުރީނުން ފެނުނު ވަގުތާއި ދިމާވެއެވެ. ވިޝާމް ބޯޖަހައިލިއެވެ. މަންހާ ގޮސް ކަސްޓަމަރު ހޮސްޕިޓަލަށް ފޮނުވާލުމާއި ހަމައަށް ވެގެން ދިޔަ ގޮތް އެގޭތީ ދެން އަނެއްކާވެސް އަޅުވާލީ ބަދިގޭ ކެމެރާއެވެ. އަމީރާ މަޑުކޮށްލައިގެން ހުއްޓާ އެހެން ވެއިޓާރ އެއް އައިސް އަމީރާ ގާތު ވާހަދައްކާލުމާއި އެކު އަމީރާ ވެސް އިރުކޮޅަކު ހުރެފައި އެތަނުން ދާން ނުކުތެވެ.
“އެއީ އަޅުގަނޑާއި އެމީ އާއި، މަންހާ މެޑަމް ބުނެގެން އޮފީހަށް ދިޔަ ވަގުތު.. އޭރު ސުޒީ ހުރި އެތާގަ..” އެވަގުތު އަމީރާއާއި އެއްކޮން ނުކުމަތް ވެއިޓަރު އެތަނުގައި ހުރުމުން އޭނާވެސް ބުނެލިއެވެ. އެހެން ކަމުން އަލުން އެމީހުން ބަދިގެއަށް އައި ހިސާބާއި ޖެހެންދެން އޮޅާލިއެވެ.
އަލުން އެނބުރި އެންމެން ބަދިގެއަށް ވަނީ އަމީރާގެ ފަހަތުންނެވެ. އެއެންމެން ވެސް ތަފާތެއް ފެނޭތޯ ބަލަން ފެށިއެވެ.
އެކި ތަންތަން ހޯދަމުން ސުޒީ ގޮސް އަމީރާ ކައްކަން ހުރި ސަރަހައްދާއި ގާތްވެލިއެވެ. އޭނާ ވަށައިގެން ބަލާލުމަށްފަހު، އަނެއްކާވެސް ޖީބުން އެއްކަލަ ކުޑަ ފުޅި ނެގިއެވެ. އެ ވަގުތަކީ އެހެން މުވައްޒަފުން ބަދިގެ ތެރެ ހޯދުމުގައި މަސްއޫލުވެ އުޅުނު ވަގުތު ކަމުން، އެކަކަށްވެސް އެ މަންޒަރެއް ނުފެނުނެވެ. ސުޒީ ވަރަށް ހުޝިޔާރުކަމާއެކު އެ ފުޅި ގެންގޮސް ބެހެއްޓީ އެހެން ފުޅިތަކުގެ ކައިރީގައެވެ. ދެން ސުޒީ ލަސް ހިނގުމުގައި މަންހާގެ ގާތައް ހުއްޓިލައެވެ. އޭގެ އިރުކޮޅެއް ފަހުން މަންހާ، ތަންތަން ހޯދާ ކަހަލަ ގޮތަކަށް ބަލަމުން ގޮސް ހުއްޓުނީ ސީދާ އެ ރެކު ކައިރީގައެވެ. އަދި އެއްވެސް ޖެހިލުމެއް ނެތި، ސުޒީ ބެހެއްޓި ފުޅި ނަގައިގެން އެންމެންނަށް ދައްކާލިއެވެ.
“މިއީ ދޯ މި ކަންތައް ހިނގައިދިޔަ ގޮތަކީ! މިވަރުން ވެސް ދެން ސާފުކޮށް ޔަޤީންވެއްޖެއެއްނު މިއީ މަންހާގެ ދަށުދަރަޖައިގެ ޢަމަލެއްކަން! ކޮބައިހޭ އޭނާ؟ ހަމަ މިހާރު އޭނާ މިތަނަށް ގެނޭ!” ވިޝާމްގެ ލޭ ކެކި އަރައިގަތެވެ. އިންތިހާއަށް ރުޅިގަދަވެފައި ހުރި ވަރުން، އޭނާއަށް ސެކިއުރިޓީންނާ މުޚާޠަބުކޮށް ވާހަކަ ދެއްކުނީ ވެސް ނުހަނު ބާރަށެވެ. ސްކްރީނަށް ބަލަހައްޓައިގެން ހުރި ޒަންޔާގެ މުޅި މޫނު ވެސް ވަނީ ރުޅިން ގޮސް ރަތްވެފައެވެ.
“މަންހާ ދެންމެ މިކޮޅަށް އަތުވެއްޖެ.. މިއީ ހަމަ އެންމެ ރަނގަޅު ވަގުތު،” ފާރިހް ބުނެލި ޖުމްލައާއެކު، ހިތްހަމަނުޖެހިފައި ހުރި ޒަންޔާއަށް ވިޝާމްގެ އަތުގައި ދަމައިގަނެވުނެވެ.
“ސަރ! ފުލުހުންގެ އިދާރާއިން އެ ގުޅީ. ސުޒީއާއި ވެއިޓަރު ހައްޔަރުކޮށްގެން މިހާރު ސްޓޭޝަނަށް ގެނެސްފި. ދެމީހުން ވެސް ދިރިއުޅެމުން ދިޔައީ ކުންފުނީގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބިލްޑިންގުގައި. އެކަމަކު މި ޖަރީމާ ހިންގުމަށްފަހު ދެމީހުން ފިލައިގެން ތިބީ ގެސްޓްހައުސްއެއްގަ ކަމަށް ވަނީ” ޔުޒީނާ އެތެރެއަށް ވަންނަމުން ހަބަރު ދިނެވެ. އޭނާގެ ފަހަތުން ޔުމާންއާއި ސަދަފް ވެސް އައެވެ. ދެމީހުންނަށް ކަން ވެގެން ދިޔަގޮތް ވިޝާމް ކިޔައިދިނެވެ. އަދި ކެމެރާގެ މަންޒަރުތައް ދައްކާލަދިނެވެ. އެވާހަކަތަކަށްފަހު، އަތުގެ އިޝާރާތުން މަޑުކޮށްލުމަށް ބުނެ ސަދަފް ފޯނު ނަގައި ކަންފަތުގައި ޖަހައިގެން ހުރެ އެއްކައިރިވެލިއެވެ. ފަސްވަރަކަށް މިނެޓަށް ދިގުދެމިގެން ދިޔަ ކޮލަށްފަހު ފޯނު ބާއްވާފައި އޭނާ އައިސްފިއެވެ.
“އިޔާއަށް މި ގުޅީ. އޭނާ ބުނީ ސައިމަންއޯ މުޅި ކޭސްއާ ހަވާލުވީ. ސުޒީމެން ގޮވައިގެން އެމީހުން މިހާރު މިތަނަށް އެބަ އާދޭ. މަ ބޭނުން މުޅި އޮފީހުގެ އެންމެންގެ ކުރިމަތީގަ މަންހާ ރަނގަޅަށް ލަދުގަންނުވާލަން!” ސަދަފްގެ އަޑުގައިވީ ނުރައްކާތެރި ސީރިއަސްކަމެކެވެ. އެ ޚިޔާލަށް ތާއީދުކުރަމުން ޔުމާންއާއި ވިޝާމް ވެސް ބޯޖަހައިލިއެވެ.
“މަންހާއަށް ގޮވާފަ ބުނޭ ހަމަ މިހާރު ތިރިއަށް އަންނަން.. އޮފީހުގަ މަތީ ފްލޯތަކުގަ ވެސް މިވަގުތު ތިބިއްޔާ ތިބި ބަޔަކު ތިރިއަށް ގެނޭ… މިއަދު ހޭ އަރުވާލާނަން” ޔުމާން ކެބިންގެ ތެރެއިން ނުކުމަތެވެ. އޭނާގެ ފަހަތުން ސަދަފްއާއި ވިޝާމް ވެސް ނުކުތެވެ.
ހައިކަލްގެ އިއްޒަތައް ވިސްނާލާފައި ރެސްޓޯރެންޓް ހިމެނޭ އެއްވެސް ފަންގިފިލާއަކަށް ނުދިއުމަށް ހިޔާލު ދިނީ ޒަންޔާއެވެ. ޔުމާން މަޑުކޮށްލީ އޮފީސް ފެށޭ ފަންގިފިލާގައެވެ. އެބައިގެ އެންޓްރެސްގައެވެ. އެމީހުން ފެނުމުން އެންމެންގެ ނަޒަރު ހުއްޓުނެވެ. އެއީ އޮފީހުގެ ދަންފަޅި ފެށުނު ވަގުތުކަމުން ނުހަނު ބައިގިނައެވެ.
“މަޒީން، ލެޕްޓޮޕްގެ ސްކުރީން މިހިރަ ޕްރޮޖެކްޓާ އިން ފެންނަ ގޮތް ހަދާ” ކުންފުނީގެ މެނޭގިންގް ޑިރެކްޓަރ މަޒީން ފެނުމުން ޔުމާން ހަޅޭއްލަވައިގަތެވެ. ވަމުންދާ ގޮތް ނޭނގިހުރެމެ، ޔުމާންގެ ރުޅިވެރިކަން ފެނި އޭނާ ވެސް ތެޅިގަނެފައި އެކަމާއިގެން އަވަސްވެގަތެވެ. އޭނާ އަންގާލުމުން އައިޓީ ޑިޕާޓްމަންޓުން އައި އިތުރު މުވައްޒަފަކު އެކަމާއި އުޅެންފެށިއެވެ.
ޝާއިރާ ވެސް އެތާ އުޅޭކަން ފާރިހް އެންގުމުން، ވިޝާމް އަމުރުކުރީ އޭނާ ވެސް ގެނައުމަށެވެ. ފާރިހް މައްޗަށް ދާން ހިނގައިގަތް ވަގުތަކީ، މަންހާގެ ފަހަތުން ޝާއިރާ ވެސް އައިސް މަޑުކޮށްލި ވަގުތެވެ. އެމީހުން ފެނުމުން ޔުމާންއާއި ވިޝާމް އަދި ސަދަފްގެ ރުޅިގަނޑު ވީ ދެގުނައެވެ. ޒަންޔާ ވެސް މޫނު އަނބުރާލީ ރުޅިވެރިކަން ކޮންޓުރޯލުން ނައްޓައިގެން ގޮސްފާނެކަމުގެ ބިރަށެވެ.
މަންހާ އާއި ޝާއިރާ އައިސް މަޑުކޮށްލިއިރު، އެމީހުންގެ މަކަރުވެރި މޫނުތަކުގައި ވަނީ ނުތަނަވަސްކަމެވެ. މަންހާ ހުރީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައެވެ. އޭނާ، ޔުމާންއާ ސުވާލުކުރަން އުޅުނު ވަގުތަކީ، ފުލުހުންގެ ހަތަރު އޮފިސަރުން، ބިޑި އަޅުވާފައިވާ ސުޒީއާއި ވެއިޓަރު ގޮވައިގެން އެތަނަށް ވަދެގެން އައި ވަގުތެވެ. އެމީހުން ފެނުމާއެކު މަންހާގެ މޫނު މުޅިން ހުދުވެ، ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ.
މުޅި އޮފީސް ތެރެއަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. އެންމެންގެ ނަޒަރުތައް ހުއްޓިފައި ހުރީ އިސްޖަހާލައިގެން ތިބި ސުޒީމެންނަށާއި، ޒާތަކަށް ހުއްޓުން އަރާފައިހުރި މަންހާއަށެވެ.
ރުޅިވެރިކަމުން ފުރިފައިވީ ނަޒަރަކަށްފަހު ޔުމާން މަޑުކޮށްލި ސީދާ މަންހާގެ ކުރިމަތީގައެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ ބުނެދޭން ނޭނގޭ ފަދަ ނުރައްކާތެރި ކުލަވަރެކެވެ. މުޅި ހޯލަށް ވެރިވެފައި އޮތް ހިމޭންކަން މުގުރާލީ ޔުމާންގެ ބަރު އަޑުންނެވެ. އޭރު ކުރިއަށްވުރެން އެތަނުގައި ބައިގިނަވެއްޖެއެވެ.
“މަންހާ.. ހީކުރީ މީހަކު މަރާލުމުގައި ބައިވެރިވެ ތިހެން ސަލާމަތުން ހުރެވޭނެ ކަމަށްތަ؟” ޔުމާންގެ ފުރަތަމަ ބަހުން ވެސް މަންހާއަށް ސިހުން ލިބުނުކަން ޔަގީނެވެ. ސުވާލުކުރަން އަނެއްކާ ވެސް އަނގަހުޅުވާލިއެވެ. ނަމަވެސް ދެން ވެސް ވާހަކަ ދެއްކީ ޔުމާންއެވެ.
“އަދި ކަލޭގެ މި ހަޑިމުޑުދާރު ކުޅިވަރު އެއްވެސް މީހަކަށް ނޭނގި މުޅި އުމުރަށް ސިއްރުވާނެ ކަމަށްތަ ހީކޮށްގެން ތިހުންނަނީ؟” ޔުމާންގެ އަޑުގައި ހުރީ އެތައް އިރެއް ވަންދެން ކަރުތެރޭގައި ތާށިވެފައި ހުރި ހަރުކަށިކަމެކެވެ.
“އޭން؟ މީހަކު މަރާލިއްޔޭ؟ އަހަރެން ކާކު މަރާލީ؟ ދޮންބޭ-” މަންހާ ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް އޭނާގެ މޫނު މައްޗަށް އަރައިގެން ދިޔައީ ޔުމާންގެ އަތުގެ ވަރުގަދަ ހަމަލާއެކެވެ. އެއަމަލުން މުޅި ފަންގިފިލާގައި ތިބި ހުރިހާ އެންމެން ދިޔައީ ސިހިގެންނެވެ.
“މަގޭ ދަރި.. މަގޭ ދަރި” ޒާތަކަށް ރޮއިގަނެފައި ޝާއިރާ އައިސް، ޔުމާންގެ ހަމަލާއިން ތިރިވާން ދިޔަ މަންހާގެ ގައިގާ ހިފެހެއްޓިއެވެ.
“ޔުމާން މިއީ ކަލޭގެ ކޮއްކޮއޭ! ކޮބާތަ މި ކުއްޖާގެ ކުށަކީ؟ ބަލާބަލަ އެއުޅެނީ ކޮޅަށް ވެސް ނުހުރެވިގެންނޭ، އަނެއްކާ މިއޮތް އެންމެންގެ ތެރޭގަތަ ތިހެން އުޅެން އެނގެނީ؟ އެނގޭތަ މަންހާ ގަންނާނެ ލަދު! އަދި ވާނެ ދެރަ؟” ޝާއިރާ ބުނެލިއެވެ. އޭރު ދެލޮލުން އޭނާ ދިޔައީ ފެންތައް ބާލުވަމުންނެވެ. ޔުމާން ޖެހިލެއް ބާރުކަމުން މަންހާގެ ބޮލަށް އެނބުރުން އަރައިގެން އިނީ ކޮޅަށް ތެދުވާނެ ހަކަތަ ނެތިފައެވެ. ކޯމަތިން ބޮޑު ތަންގަނޑެއް ރަތްވެފައި ހުއްޓެވެ.
”މަންހާ އެކަނިތަ ލަދުގަންނަނީ! ނޫނީ، ދެރަ ވަނީ ވެސް! އިއްޔެ މިތަނުން ގެންދިޔަ ކަސްޓަމަރު ފުޑް ޕޮއިޒަންވެގެން މަރުވިކަން ދެނެހުރިންތަ؟ އެކަން އިނޮސަންޓް ކުއްޖެއްގެ ބޮލުގަ އެޅުވި އިރު ހިތައް އެކައްޗެއް ވެސް ނޭރިތަ؟ ދެން އާއިލާއޭ ކިޔާފަ އެވީ މީހަކު މެރީމަ ވެސް ދޫކުރަންތަ؟” ސަދަފް ބުނެލިއެވެ. އެހިނދު ޝާއިރާ ފުންމައިގެން ތެދުވަތެވެ. ކޯމަތީގައި އަތް އަޅައިގެން އިސްޖެހިފައި އިން މަންހާ ވެސް ތެދުވިއެވެ.
“ކީކޭ؟ އޭނާ މަރުވީއޭ؟ އެކަމަކު އެކޮޅުން ޑޮކްޓަރ ގުޅާފަ ހޭ އެރި ހަބަރު ދިން” މަންހާ ދެލޯ ބޮޑުކޮށްލިއެވެ.
“އައްދޭ، ހާދަ ސިހުނީ؟ ކަލޭ އޭނައަށް ބޭސް ދިނީ މަރާލާކައްނު؟”ސަދަފް ބުނެލިއެވެ. އެއާއި އެކު މަންހާގެ މޫނު އިހުނަށް ވުރެ ރަތްވިއެވެ.
“ސަދަފް! ކަލޭ ތީ ކާކުތަ؟ މި ޢާއިލާގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ބޯބާނައި، ބަސް ބުނާކަށް ކަލެއަކަށް އެއްވެސް ޙައްޤެއް ނޯންނާނެ! ދުރުގަ ހުރޭ!” ރުޅިއައިސް މުޅި މީހާ ތުރުތުރުއަޅަމުން ދިޔަ ޝާއިރާ، ސަދަފްގެ މޭގައި އަތްއަޅައި ފަހަތަށް ކޮށްޕައިލިއެވެ. ނަމަވެސް ސަދަފް ޖަހައިލީ މަލާމާތުން ފުރިގެންވި ފިނި ހިނިގަނޑެކެވެ.
“ކަލޭމެން… މިހާރު އެ ނުބައި ޖަރީމާ ވެސް ތި އެޅުވީ މަގޭ ބޮލުގަތަ؟ ކިތަންމެ ވަރަކަށް އަހަރެން ދެކެ ރުޅިއަޔަސް ތިވަރުގެ ބޮޑު އިލްޒާމެއް އަހަރެންގެ ބޮލުގައި އަޅުވަން ހެޔޮވާނެތަ؟ ކޮން ކުށެއް ކުރެވިގެންތަ ތި އެންމެން އަހަރެން ދެކެ ތިހާ ނަފްރަތު ތި ކުރަނީ” އެތަނުގައި ތިބި މީހުންގެ މޫނުތަކަށް ވަކިވަކިން ބަލައިލަމުން، މަންހާ ކުއްލިއަކަށް ރޯންފެށިއެވެ. ގިސްލަމުން ރުއި ގޮތުން، ކަމުގެ ހަޤީޤަތް ނޭނގޭ މީހަކަށް އެއީ މައުސޫމު އަނިޔާ ލިބިފައިވާ މީހެއް ފަދައެވެ. އޭނާއާ ބައިވެރިވެ ޝާއިރާ ވެސް ކަރުނަ އަޅަމުން ގެންދިޔައިރު، މުޅި ފަންގިފިލާގައި ގުގުމަމުން ދިޔައީ އެ ދެމައިންގެ ރުއިމުގެ އަޑެވެ.
“ކަޓް ދި އެކްޓް މަންހާ! ތި ދަޅަ ދެއްކުން ހުއްޓާލާ! ކަލެއަކީ ކިހާވަރެއްގެ ނުބައި އިބިލީހެއްކަން ނޭނގޭ އެކަކުވެސް މިތަނަކު ނެތް! ދެންވެސް ރީތިކޮށް އެއްބަސްވެ، ކަލޭ ސުޒީ ލައްވައި އެ ކަސްޓަމަރު މަރައިލަން ރޭވި ގޮތާއި އެހުރިހާ ކަމެއް ކޮށްފަ އެމީގެ ބޮލުގަ އަޅުވާ މިތަނުން ބޭރުކޮށްލި ގޮތް ކިޔައިދީ! ކިޔައިދޭން ބޭނުން ނޫނިއްޔާ ބުނޭ! އެހެރަ ބޮޑު ސްކްރީނުން މިކަމުގެ ހުރިހާ ހެއްކެއް ސާފުކޮށް ފެންނަން އެބައޮތް. މިތާ ތިބި އެންމެންނަށާއި ފުލުހުންނަށް ވެސް ފުދޭވަރަށް ހެކި އެބަހުރި!” ޔުމާން ހަޅޭއްލަވައިގަތެވެ. އަނެއްކާ ވެސް މަންހާ ވާހަކަ ދައްކަން އުޅުނެވެ. އޭނާގެ ދިފާއުގައި އެއްވެސް ބަހެއް ބުނާ އަޑުއަހާކަށް ޔުމާން ބޭނުމެއް ނުވިއެވެ. ޔުމާންގެ ދެވަނަ ހަމަލާ މަންހާގެ މޫނުމައްޗަށް ދޫކޮށްލަން އުޅުނު ހިނދު ސައިމަން އާއި ވިޝާމް އަދި ފުލުހުންގެ އިތުރު އޮފިސަރެއް ވެގެން އޭނާ ހިފެހެއްޓިއެވެ.
“ކާމް ޑައުން، އަތް އިސްކޮށްފިއްޔާ އަންނާނެ ކޮންމެވެސް ވަރެއްގެ އަދަބެއް.. ސޯ ބީ ބްރޭވް” ޔުމާންގެ ކޮނޑުގައި ޖަހާލަމުން ސައިމަން ބުނެލީ ވިސްނުންތެރިކަމާއި އެކުގައެވެ.
“ދަރިފުޅާ ހަމަޖެހިބަލަ، މަންހާއާއި ގުޅުން ހުރިކަމެއް ނޫނޭ އެއީއެއް.. މަންހާ ހުރީ ވެސް އޮފީހުގަ އޭ އެވަގުތު..” ޝާއިރާ ބިރުން ހުރެވެސް ބަލަމުން ދިޔައީ މަންހާ ދިފާއު ކުރެވޭތޯއެވެ. “އަނެއްކާ ހަމަ ކަމެއްވާ ކޮންމެ ފަހަރަކު ޖެހޭތަ މަންހާގެ ބޮލަށް ޖަހަން؟ އަމީރާގެ ކަމެއް ވިއްޔާ ކަލޭމެންނަށް އެއީ ހާދަ ބާރެއް ކުރާ ކަމަކަށްވެފައޭ ދޯ މިއޮންނަނީ؟ ” ޔުމާންގެ ގައިގާ ޝާއިޜާ އަތްލި ހިނދު، އެއަތް ފޮޅި ގޮތުން އޭނާ ވެސް ދިޔައީ ފަހަތައް ވިއްސައިގަނެނެވެ.
“މަންމާ! ދޫކޮށްލާ! އަހަރެން ކިތަންމެ ވަރަކަށް ބުންޏަސް މި މީހުން ޤަބޫލެއް ނުކުރާނެ! މިތަނުގަ މީހަކު މަރަންޏާ މަރާފައި އެހުރީ ހަމަ އެ އަމީރާ! ކަސްޓަމަރު އަލުން ހޭއަރައި، ރަނގަޅަށް ހުއްޓައި ކުއްލިއަކަށް މަރުވާނެތަ؟ މިކަމުގައި ވެސް ކޮންމެވެސް ނުބައި ވާހަކައެއް ހަދައިގެން އެ އުޅެނީ އަމީރާ! އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެ މަށޭ ކިޔައިގެން ވާހަކައެއް ދައްކައިފިއްޔާ މި މީހުން މަގުފުރެދި، އޭނާ ދައްކާ ދަންތުރައިގައި ޖެހޭނެކަން! ކަލޭމެންނަށް ކެރެންޏާ މަށާ ދެކޮޅަށް އެންމެ ހެއްކެއް ނަމަވެސް ދައްކަބަލަ!” މަންހާ ދޮގު ކަރުނަތަކުގެ ތެރެއިން ގިސްލަމުން ހަޅޭއްލަވައިގަތެވެ.
ޒަންޔާއަށް ކެތްކުރެވުނީ އެހާ ހިސާބަށެވެ. އަމީރާގެ މައުސޫމު ނަން މަންހާގެ އެ ވިހަ ދުލުން ބޭރުކޮށްލި ހިނދު، ޒަންޔާގެ އެތެރެހަށީގައި އަނދައަނދާ ހުރި ރުޅީގެ އަލިފާންގަނޑު ކެކި އަރައިގަތެވެ. ކުރިމަތީގައި ޔުމާންއާއި ވިޝާމް ތިއްބައި، އެ ދެމީހުންގެ ދޭތެރެއިން ދެމިގަނެފައި ގޮސް، ޒަންޔާ ބާރަކަށް މަންހާގެ އަތުގައި ހިފައި ދަމައިގަތެވެ. ޒަންޔާގެ އެ ކުއްލި ހަމަލާއިން، މަންހާއާއި ގާތުގައި ހުރި ޝާއިރާ ވެސް ދިޔައީ ސިހިގެންނެވެ.
“ޗީ ކަލެއަށް ޖެހޭތަ އަހަރެންގެ ގައިގަ އަތްލަން، ހަމަ މިހާރު ދޫކުރޭ! ދޫކުރާށޭ!” މަންހާ އުޅެންފެށި ޒަންޔާގެ އަތް ނައްޓުވާށެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ޒަންޔާ ހުރީ މާބާރަށް ހިފަހައްޓައިގެންނެވެ. އެދިޔަ ބާރު މިނުގައި ޒަންޔާ ހުއްޓުނީ އަޅުވަން ތައްޔާރު ކޮށްފައިވާ ވީޑިޔޯ ފެންނާނެހެން ހުރި ބޮޑު ޕޮޖެކްޓަރާއި މާދުރު ނޫން ހިސާބެއްގައެވެ. އަދި މަންހާ ހޫރުވާލީ އޭގެ ކުރިމައްޗަށެވެ. ޒަންޔާ އަތުން އިޝާރާތްކޮށްލީ ފާރިހަށެވެ. އެ އިޝާރާތް ދެނެގަނެވުނު ހިނދު ބޯޖަހަލާފައި އޭނާ ކެމެރާގެ މަންޒަރުތައް އަޅުވަން ފެށިއެވެ. ބަދިގޭގެ މަންޒަރުން ފެށިގެން ހުރިހާ މަންޒަރެއް ފެނިގެން ދިޔައިރު ސުޒީ ހުރީ އިސްޖެހިފައެވެ. އެތަނަށް ގެނެވުނީން ސުރެވެސް އޭނާގެ ފަރާތުން އަދި ބަހެއް ނީވެއެވެ. ގަދަހެދުމެއް ވެސް ނެތެވެ. އެހަމަހިމޭން ކަމުން ހީވަނީ އަމިއްލަ ނަފުސު މާކުރިން ވެސް ކުށްވެރިކޮށްގެން ހުރިހެންނެވެ.
ހުރިހާ މަންޒަރަކަށް އެޅުވެމުން ދިޔައިރު އެންމެންގެ މޫނުތަކުގައިވީ ނުރުހުންތެރިކަމެވެ. އެންމެ ފުން ރުޅިއެވެ. އަދި އަމީރާއާއި މެދު ތިބީ އިންތިހާއަށް ހަމްދަރުދީވެފައެވެ. އަމީރާގެ ހުންނަ އެކުވެރި މިޒާޖުގެ ސަބަބުން އެންމެންނާއި ވެސް އޮންނަ ގުޅުން ވަރުގަދައެވެ. އެކްސިޑެންޓުގެ ހަބަރު އިވިފައިވުމުން އަމީރާގެ އެކުވެރިންގެ ލޯތަކުގައިވަނީ ކަރުނައެވެ.
ހިތްހަމަނުޖެހުމުގެ ސަބަބުން ހުރިޙާ ސްޓާފުންގެ އަނގައިން ނުކުމަންނަމުން ދިޔަ ހަރުކަށި ބަސްތައް އިވި ސުޒީގެ ދެލޮލުން ފެންތައް ފައިބަމުން ދިޔައެވެ. ވެއިޓަރު ވެސް ހުރީ އެފަދަ ހާލެއްގައެވެ. ނަމަވެސް މަންހާ ދިޔައީ ހުއްޓުމެއްނެތި އަޑުގަދަ ކުރަމުންނެވެ.
“އަހަރެން ފްރޭމްކުރަން އުޅުނަސް ނުކުރާ ކަމެއް ނުފެންނާނެ.. ތި ދައްކާ އެއްވެސް ވީޑިއޯއަކުން އަހަރެން ކުރި ކަމެއް ފެންނަން އެބައިންތަ؟…އޭން! އަނެއްކާ އަހަރެން ތަކުރާރުކޮން މިބުނަނީއެންނު ޑޮކްޓަރު ވެސް ދިނޭ ޕޭޝަންޓު ހޭއެރި ހަބަރު” ގަދަކަމުން ލޮލުން ބާލުވަމުން ދިޔަ ކަރުނަތައް އިތުރުކޮށްލަމުން މަންހާގެ ގަދަ އަޑުން ބުނެލިއެވެ.
“މިހިރަ ގަމާރާ، މަ އެބައުޅެންތަ މުޑުދާރު އަންހެނާގެ ގައިގަ އިނގިލި ކުރި ވެސް ޖައްސާ ހިތުން؟ ކަލެއަށް ޑޮކްޓަރު ދިނީ އޭނަ ހޭ އެރި ހަބަރޭ! އޭނާގެ ހާލަތު ރަނގަޅުވި ވާހަކަ ބުނިތަ؟ ރޭގަ އޭނަގެ ހާލަތު ދެރަވެ، ފަތިސްވުމާއި ހަމައަށް ވެސް ކިރިޔަ ކިރިޔާއޮތީ.. އެންމެ ފަހުން ހާލަތު ގޯސްވެ މި ދުނިޔެ ވެސް ދޫކޮށްފި.. ނޭނގޭތަ، އެއީ ބައެއްގެ ލޯބި ލިބި ލިބި ހުރި ފުރާނައެއް ކަމެއް! ކަލެއަށް އިޙްސާސްވެސް ކޮށްނުލެވޭނެ އެއާއިލާއަށް ކުރިމަތިވެގެން އެދިޔަ ހިތާމައިގެ ބުރަދަނެއް! ދެން ތިބުނީ އެމީގެ ވާހަކަ.. ބަލަ އެމީގެ ފުރާނަ ކިރިޔަ ކިރިޔާ އެހުރީ! އެއީ ވެސް ކަލޭގެ ސުންޕާކަމޭ މަންހާ! އަނެއްކޮޅުން މިއީ މުޅި އުމުރު ދުވަހު ބައްޕަ ކުރި މަސައްކަތް! ކަލޭމެން ދެމީހުންނަކަށް ނޭނގޭތަ ވިޔަފާރިއަށްޓަކައި ބައްޕަވާ ގުރުބާނީ.. މިއަދު ހުރިހާ ނޫސްތަކެއްގެ ފަލަސުރުހީގަ އެއޮތީ މި ކޮމްޕެނީގެ ވާޙަކަ… ކުންފުނީގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓިއްޖެ! ހެނދުނު މިހާރު އަށެއް ޖަހާ ބޮޑުވެގެން ދިޔައީ، އެކަމަކު ދެ ރެސްޓޯރެންޓަށް ވެސް މިއަދު މިވަގުތައް އެވަދެލީ އެންމެ ވިއްސަކަށް މީހުން.. އެހެންޏާ ހުޅުވާތާ ދިހަ މިނެޓު ނުވެ ހުރިހާ ބައެއް ފުލް ވާކަން އެއި މީހަކަށް އޮޅޭނެ ކަމެއް ނޫން، ކާކު ޒިންމާ ނަގަނީ!” ލިބުނު ފުރުސަތުގައި ޒަންޔާ ވެސް ދުލެއް ނުދިނެވެ.
”ޒަންޔާ ކަލޭ މޮޔަވީތަ؟ މީހަކު ތަނެއްގަ މަރުވީމަ އޭގެ ކުށް މަންހާ ޖެހޭތަ ބޮލުގަ އަޅުވައިގެން އޮންނަން؟ ކަމާއި ނުބެހޭ މީހުން އެއްޗެއް ނުބުނެ ތިބެންވީނު” ޒަންޔާއާއި ދިމާލަށް ޝާއިރާ އަޑުގަދަ ކޮށްލިއެވެ.
މަންހާ އާއި ޝާއިރާގެ ހަޅޭކުގެ އަޑުތައް ފަނޑުވެގަތީ ކެމެރާގެ މަންޒަރުތަކުން މަންހާގެ ސޫރަ ފެނުނު ހިސާބުންނެވެ. ސުޒީގެ ގާތުގައި މަންހާ ހުރެ ސިނގިރޭޓު ބޯންފެށި މަންޒަރުންނެވެ. އެ މަންޒަރަށް ފަހު، ބަދިގެއަށް ވަދެ އަމީރާ ކައްކަން ހުރި ސަރަހައްދަށް ގޮސް އަތުގައި އޮތް ފުޅި ސުޒީ ލާ މަންޒަރާއި، އޭގެ ފަހުން އއިސް މަންހާގެ ގާތުގައި މަޑުކޮށްލާ މަންޒަރެވެ. އޭރު ތަނުގައި ވެސް އޮތީ އާދަޔާއި ހިލާފަށް ހަމަހިމޭންކަމެވެ.
“ވަރަށް ރަނގަޅަށް މަންހާއަށް ފެނިއްޖެ އެންނު ވެގެން ދިޔަ ގޮތް.. ދެމީހުން ސިނގިރޭޓު ބޯންތިބީ އެކުއެކީގަ.. މިތަނުގަ ގިނަ މީހުން އިއްތިފާގުވޭ ސުޒީއާއި މަންހާގެ އޮންނަނީ ވަރުގަދަ ރަހުމަތްތެރިކަމެއް ކަން.. ދެން އަނެއްކާ ފުޅި ގެންގޮސް އެތަނަށް ލާފަ ވެސް މަންހާގެ ގާތައް ސުޒީ އެ މަޑުކޮށްލީ.. ހަމަ އެވަގުތު މަންހާ އެބަދޭ ހޭކެމުން ހޭކެމުން ހަމަ ރެކު ކައިރިއަށް.. ދެން ގޮސް ނެގީ ވެސް އެފުޅި….. ސުޒީ، މަންހާ ކަލެއަށް ދިން ލާރީގެ ތިން ގުނަ މަ ދީފާނަން.. ސުޒީ ބުނެބަލަ މަންހާ އަންގައިގެން ކުރި ކަމެއްތަ މިއީ ނޫނީ ނޫންތަ؟” އެހުރިހާ އިރު އެއްޗެއް ނުބުނެ ހުރެފައި ވިޝާމް ބުނެލިއެވެ. އެއާއި އެކު ޝާއިރާއާއި މަންހާއާއި އަދި ސުޒީގެ ނަޒަރު އޭނާއަށް އަމާޒުވިއެވެ. ސުޒީގެ މޫނުމަތިން ކުރެވުނު ކަންތަކާއިވެފައި ހުރި ދެރަ ފާޅުވާން ހުރިއިރު، ޝާއިރާ އާއި މަންހާގެ މޫނުމަތީގައި ވަނީ ނުތަނަވަސް ކަމެވެ. ބިރާއި ސިހުމެވެ.
“ޖަވާބު ދީ ސުޒީ؟” ވިޝާމް އަނެއްކާ ވެސް އަހައިލިއެވެ. ވިޝާމް ތިން ފަހަރަށް އެހުމުން ވެސް ސުޒީ އެއްޗެއް ނުބުންޏެވެ. ބަދަލުގައި އޭނާގެ ދެލޮލުން ފައިބަންފެށީ ކަރުނައެވެ. ތުންފަތް ހަރަކާތްކޮށްލަން އުޅެފައިވެސް ތުން ފިއްތާލަމުން އިސްޖެހިއެވެ. އެކަމަކަށް ވިޝާމް ފަރުވާލެއް ނުބެހެއްޓިއެވެ.
“ސުޒީ ޖަވާބު ނުދެންޏާ މަ ނިންމާނީ އެއީ ކަލޭމެން ދެމީހުންގެ ބައިވެރިވެރިވުމެއް ކަމުގަ.. ސައިމަން ދެން ގެންދޭ އެމީހުން” ވިޝާމް ބުނުމާއި އެކު ސައިމަން ބޯޖަހައިލިއެވެ.
”ނު..ނޫން..ނޫން.. މަށެއް އެކަކަށް ވެސް ނުދެން ލާރިއެއް!މަށާ އޭނާއާއި ގާތް އެކުވެރިންނަށް ވީމަ ތަ ތި އަޅުވަނީ ބޮލުގަ މިފަދަ ތުހުމަތެއް؟ ހައު އަންފެއަރ، މީހަކު ކުރިކަމެއް މަގޭ ބޮލަށް އަންނަން ޖެހޭ އެއްވެސް ރީޒަންއެއް ނެތް! ނުވިތާކަށް މީގެން މިފެންނަނީ ކުރި ހުރިހާ ކަމެއް އޭނަ ކުރިތަން .. މަށާއި އޭނަ ހަމަ ނޯމަލްކޮން އެތާގަ އެތިބީ ސިނގިރޭޓުބޯން..” މަންހާ ޖަވާބު ދިން އިރުވެސް ދެލޯ ހަނިކޮށްލައިގެން ހުރެ ސުޒީއަށް ނަޒަރެއް ދިނީ އިންޒާރެއް ފަދައިންނެވެ. އެ ނަޒަރުން ބިރުން ސުޒީ ތެޅިގަތެވެ.
“ދެން ކީއްވެތަ ފުޅި ލާފަ އައިސް މަންހާގެ ކައިރިއަށް ހުއްޓުނީމަ، އެދިޔަ ބާރު މިނުގައި މަންހާ ގޮސް އެފުޅި އެ ނަގަނީ؟” ސައިމަން އަހާލިއެވެ.
“ދެން ކީއްވެތަ ފުޅި ލާފަ އައިސް މަންހާގެ ކައިރިއަށް ހުއްޓުނީމަ، އެދިޔަ ބާރުމިނުގައި މަންހާ ގޮސް ހަމަ އެފުޅި އެ ނަގަނީ؟” ސައިމަން ތޫނު ނަޒަރަކާއެކު ސުވާލުކޮށްލިއެވެ.
“އެއީ… މީ… އްމް… ސުޒީ އައިސް އަހަރެންގެ ގާތުގައި ބުނީ ޝައްކުކުރެވޭ ޒާތުގެ އެއްޗެއް ފެނުނު ވާހަކަ! އެހެންވެ އަހަރެން އެ ބަލަން ދިޔައީ.. ކިހިނެއްތަ އަހަންނަށް އެނގޭނީ އެއީ ސުޒީ އަމިއްލައަށް ކުރި ކަމެއް ކަމެއް؟” ޖެހިލުންވުމެއް ނެތި، މަންހާ ދޮގަކަށްފަހު ދޮގެއް ހަދަމުން ދިޔައިރު އޭނާގެ ހިތުގައި ބިރުވެރިކަމުގެ ކުޑަވެސް ކަންފުޅެއް ނެތް ކަހަލައެވެ.

“އޯކޭ، އޯކޭ! އެހެންވިޔަސް މަންހާ މިވަގުތު ޖެހޭނީ އަޅުގަނޑުމެންނާއެކު ސްޓޭޝަނަށް ދާން. މަންހާގެ ހުރިހާ ޢަމަލުތަކެއް ވެސް އަޅުގަނޑުމެންނަށް ވަރަށް ޝައްކު… އޮފިސަރ!” ސައިމަން އެހެން ބުނެލަމުން ކައިރީގައި ހުރި އަންހެން އޮފިސަރަށް އިޝާރާތްކޮށްލިއެވެ.
“ނޫނޭ! ނޫނޭ! ކަލޭމެންނަކަށް ތިހެންނެއް މަގޭ މަންހާއެއް ނުގެންދެވޭނެ! އޭނާ އެއްވެސް ކުށެއް ނުކުރޭ! މިއީ ހުސް މި މީހުން ހަދަހަދައިގެން ދައްކާ ފިތުނަވެރި ވާހަކަ!” ޝާއިރާ އަނެއްކާވެސް ހަޅޭއްލަވައިގަންނަމުން ރޮއިގަތެވެ. އޭރު ދެ އަންހެން އޮފިސަރުން ވެގެން މަންހާގެ ދެއަތުގައި ބިޑިއަޅުވަނީއެވެ. އެ މަންޒަރާއެކު މަންހާ ވެސް ތެޅިފޮޅެމުން، ގަދަހަދައި ރޯންފެށިއެވެ.
“މަންމާ! ޕްލީޒް ހެލްޕް މީ! ދޮންބޭ… ދޮންބޭ… އަހަންނަށް އިތުބާރުކޮށްބަލަ! އަހަންނެއް ނުކުރަމޭ އެކަހަލަ ދަށުދަރަޖައިގެ ކަމެއް!” މަންހާ ގަދަހަދަމުން، އަޅުވާފައިވާ ބިޑި ނައްޓުވައިގަންނަން މޮޔައެއް ފަދައިން އުޅެގަތެވެ.

****
މައި އޮފީސް އިމާރާތް ފެންނަ ހިސާބުގައި ހައިކަލް މަޑުކޮށްލައިގެން ހުރިއިރު، އޭނާގެ ނަޒަރު ހުއްޓިފައިވަނީ އިމާރާތުގެ ބޭރުގައި ތޮއްޖެހިފައި ތިބި ނޫސްވެރިންނަށެވެ. ކެމެރާތަކާއި މައިކްތައް ހިފައިގެން އެ މީހުން ތިބި ގޮތް ފެނި، ހައިކަލްގެ ހިތް ތެޅިގަތެވެ. ދެލޮލުގެ ހިމަކޮޅުން ކަރުނަ ފައިބައިގަތީ ހިފަހައްޓަން ނޭނގި ހުއްޓައެވެ.
މޭގައި އަތް ޖައްސާލެވުނީ ބޭއިހްތިޔާރުގައެވެ. މެޔަށް އަރައިގެން ދިޔަ ތަދުން، ހަމަޖެހިލުމަށްޓަކައި ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން ދިގު ނޭވާތަކެއް ލިއެވެ. އިރުކޮޅެއް ފަހުން ހަށިގަނޑު ހަމައަކަށް އެޅުނެވެ. ނަމަވެސް ކާރުގެ ދޮރުފަތުގައި ލެނގިލެވުނީ ހަށިން ވަރު ދޫވެފައިވާ ހާލުގައެވެ. ހައިކަލްއަށް އެއީ ހަމައެކަނި ވިޔަފާރިއެއް ނޫނެވެ. ނިޔާވެފައިވާ ލޯބިވާ ބައްޕަ، އުމުރު ހޭދަކޮށް ހިތުގެ ލެޔާ އެކު ބިނާކުރި އެއްޗެކެވެ. މައިނަބަފައިންގެ ދެދަރީން ކުރެ ދުނިޔޭގައި ހުރީ އޭނާއެވެ. އޭނާގެ އަތްމައްޗަށް ބައްޕަ ދޫކޮށްލީ ހާދަ އިތުބާރަކާއި އެކުގައެވެ.
ހައިކަލް އެ ވިޔަފާރިއާ ގުޅުނީ އުމުރުން ސޯޅަ އަހަރުގައެވެ. ކިޔެވީވެސް ވިޔަފާރީގެ ތެރޭގައި އުޅެމުންނެވެ. މީހަކާއި އިނދެ ދަރިންނަށްވީ ވެސް އެ މަސައްކަތުގެ ތެރޭގައި އުޅެނިކޮންނެވެ. އަދި އެދަރިން ބޮޑެތިވެ މީހުންނަށް ހެދީވެސް ވިޔަފާރީގެ ބޮޑު މައްސޫލިއްޔަތު ބަރާބަރަށް އަދާކުރަމުންނެވެ. އެއީ ހައިކަލްގެ މުޅި ދިރުއުޅުމެވެ.
ރާއްޖޭގެ ނަންހިނގާ ވިޔަފާރިވެރިންގެ ތެރޭގައި ހައިކަލްގެ ނަން ހިމެނުނަސް، މީހުންގެ ހިތްތަކުގައި އޭނާ ޚާއްސަ ވެގެން ދިޔައީ ހަމައެކަނި ވިޔަފާރީގެ ކާމިޔާބީ އާ ހުރެއެއް ނޫނެވެ. ތެދުވެރިކަމާއި ހިތްހެޔޮ ކަމަކީ ހައިކަލްގެ ފަރާތުން ވަކިކޮށްލެވޭނެ ދެ ސިފައެއް ނޫނެވެ. ބޭނުންޖެހިފައިވާ މީހަކު ފެނިއްޖެ ނަމަ، ފަހަތަށް ނުޖެހެއެވެ. ވިޔަފާރީގައި އޭނާގެ ފަރާތުން ހިދުމަތް ހޯދާ އެންމެން ވެސް އިއްތިފާގުވާ އެއް ކަމެއް އޮވެއެވެ. ހައިކަލްގެ ވިޔަފާރީގެ ދަށުންވާ ދެ އޮފީހާއި އޭނާގެ ހުރިޙާ ވިޔަފާރިއެއްގެ ތެރޭގައިވެސް އުޅޭ މުއްޒަފުންގެ ރަނގަޅުއަހުލާގެވެ.. ޙާއްސަކޮން ހުރިހާ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާ މުއައްޒަފުންނާއި އެތަނުގެ ހިދުމަތްދޭގޮތާއި މެދު މީހުން ރުހެއެވެ. އަދި ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރު ރަނގަޅުވާހަކައާއި ރަހަތަކުގެ ވާހަކަ އެއީ އާންމުގެ ދުލުކުރީގައި ދެކެވޭ އާންމު ވާހަކައެކެވެ. އަދި އެ މެހެމާންދާރީއެވެ.
އެކަމުގެ ސަބަބުން ހައިކަލްގެ ރިސޯޓުތަކާއި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ވުރެން ބޮޑަށް ފަޙުރުވެރިވަނީވެސް ރެސްޓޯރެންޓުތަކާއި މެދުގައެވެ.
ވޭތުވެދިޔަ ސާޅީސް ދެ އަހަރުގެ ދިގު މާޒީގައި، ކުންފުނީގެ ހައިބަތާއި ޝަރަފު އެއްވަރެއްގައި ހިފެހެއްޓިފައި އޮތީ އެ އިތުބާރުގެ ސަބަބުންނެވެ. އެކަމަކު ހުރިހާ ކަމެއް އެފުށްމިފުށަށް ޖެހެން ނެގީ އެންމެ ދުވަހެކެވެ. ސާޅީސް ދެ އަހަރުގެ އިތުބާރު ވެއްޔާ މޮޑެވިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ހިކި ކެޔޮވަލެއްގައި އަލިފާން ހިފިހެން، ރެސްޓޯރެންޓުން ކެއި ކަސްޓަމަރަކު ނިޔާވި ޚަބަރު ސޯޝަލް މީޑިއާގައި ފެތުރިގެން ހިނގައްޖެއެވެ. ހުރިހާ ނޫސްތަކެއްގެ ހިޔާލު ހުށައަޅާބައި ފުރިބާރުވެފައި ވަނީ ކުންފުންޏަށް އަމާޒުވި ހޫނު ފާޑުކިޔުންތަކުންނެވެ. ހައިކަލްގެ ދިފާއުގައި މަދު ބަޔަކު އެއްޗެއް ބުނި ނަމަވެސް، މުޅި މާހައުލުން ފެންނަމުން ދިޔައީ ނުރުހުމާއި ނަފުރަތުގެ އަޑުތަކެވެ.
ދެލޯ ފޮހެލަމުން ހައިކަލް ހިންދިރުވާލިއެވެ. ދެން ބަލައިލީ މުށުތެރޭގައި އޮތް ފޯނުގެ ސްކްރީނަށެވެ. ފޯނުގެ ވޯލްޕޭޕަރުން ފެންނަން އިން އަމީރާގެ މައުސޫމު ހިނިތުންވުން ފެނުމާއެކު، ހައިކަލްގެ ކެތްތެރިކަން ކޮޅުންލިއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ބަންޑުންވެގަތެވެ. ކުންފުންޏަށް ކުރިމަތިވި ބޮޑު ނުރައްކަލުން މޭގައި ދިލަ ރިހުމެއް އުފެދިފައިވީ ނަމަވެސް، ހަގީގަތުގައި އޭނާގެ މުޅި ހިތާއި ސިކުނޑި ވަށާލާފައިވަނީ އަމީރާގެ ހިޔާލުތަކެވެ. ލޯބިވާ ދަރިފުޅު އެފަދަ ނިކަމެތި ހާލެއްގައި އޮތްއިރު ވެސް، މަޖުބޫރުވެފައި މިވަނީ ދުރުގައި ހުންނާށެވެ. އެ ހުރިހާ ކަމަކާ މެދު ވިސްނެމުން ދިޔަ ވަރަކަށް، ހައިކަލްގެ ހިތް ހީވަނީ ކޮށި ވަޅިއަކުން ކޮށައި ކުދިކުރަމުން ދާ ހެންނެވެ.
“ދަރިފުޅާ، ބައްޕަގެ އަމީ… ދަރިފުޅު ތިއީ އަމިއްލަ ލޭ ކަން އެނގުނު އިރުވެސް ބައްޕައަށް މިޖެހެނީ ދުރުގައި ހުންނަން.. ދަރިފުޅު ތިހާ ބަލިކޮން އިރުވެސް.. މިއީ ކޮންފަދަ އިމްތިހާނެއް” ގިސްލެވެމުގެ އަޑު ދިޔައިރު ހައިކަލްގެ އަނގައިން ބޭރުވަމުން ދިޔައެވެ.
ކާރުގެ ޑްރައިވަރު ސީޓުގައި އިން އާދަމް އިނީ ހައިކަލްގެ ހާލަތު ފެނި ދެރަވެފައެވެ. ހައިކަލްގެ ޑްރައިވަރެއްގެ ގޮތުގައި އޭނާ އުޅޭތާ ތިރީސް އަހަރު ވެފައިވާއިރު، އެއީ ހަމައެކަނި ވެރިއަކާއި މުވައްޒަފެއްގެ ގުޅުމެއް ނޫނެވެ. ދެމެދުގައި އޮތީ ބަދަހި އެކުވެރިކަމެކެވެ. ހައިކަލްގެ ދިރިއުޅުމުގެ ކޮންމެ ސިއްރަކާއި، އުފަލާއި ހިތާމައެއްގެ ބައިވެރިއަކީ އާދަމްއެވެ. ކާރުން ފައިބައިގެން ގޮސް ހައިކަލްއަށް ހިތްވަރު ދޭން ބޭނުންވި ނަމަވެސް، އޭނާގެ ނަފުސަށް ވަގުތުކޮޅެއް ދިނުމުގެ ގޮތުން އާދަމް މަޑުކޮށްލީއެވެ.
އާދަމް ވިސްނުމެއްގެ ތެރޭގައި ސީޓުގައި ލެނގިލައިގެން އިންދާ، ކުއްލިއަކަށް ކާރުގެ ޑޭޝްބޯޑުގައި ހަރުކޮށްފައިވާ ސިސްޓަމުން އެލާމެއްގެ އަޑު އިވުނެވެ. އެއީ ޝާއިރާގެ ކޮޓަރީގައި ހަރުކޮށްފައިވާ ސިއްރު ޑިވައިސްތަކާ ގުޅާލެވިފައިވާ ސިސްޓަމެކެވެ. އާދަމް އަވަސްއަވަހަށް އޭގެ ސްވިޗަށް ފިތާލުމާއެކު، ސްޕީކަރުން ފެތުރިގެން ދިޔައީ ޝާއިރާގެ ތޫނު ޒީލަގަދަ އަޑެވެ.
“އާޝިއު.. އޭ އާޝިއޫ”
އެއަޑުން އާދަމް ތެޅިގަނެފައި ކާރުގެ ދޮރު ހުޅުވާލިއެވެ.
“ބޮސް، ޝާއިރާ.. އޭނާގެ ކޮޓަރިން… ވާހަކަ ދައްކާ އަޑު އިވޭ އެބަ..އަވަސް” ހިތް އަވަސްވެފައި ހުރި އާދަމްގެ ޖުމްލަ ތައް ރަނގަޅަށް ނުނިމެނީސް ހައިކަލް މޫނު ފުހެލަމުން ކާރަށް އަރައިފިއެވެ. އަދި ސްޕީކަރުގެއަޑު ބާރުކޮށްލަމުން ހައިކަލް ވެސް އެއަޑަށް ސަމާލުކަން ދިނެވެ.
”އާޝިއު ކަލޭ އަދިވެސް ނިދަން އޮންނަނީތަ، މިހާ ބޮޑު ކަމެއް ވެގެން އުޅޭއިރުވެސް” ޝާއިރާގެ އަޑުގައި ހާސްކަމާއި ރުޅިވެރި އަސަރުތައް ފާހަގަވަމުން ދިޔައެވެ.
“ކިހިނެތްތަ ވީ ޝާއިރާ؟..ހަމަ ރަނގަޅަށް އެނގޭނެ ރިސޯޓު މީޓިންގް ނިންމާފަ އެ ސޯދިގް ހޯދަން އުޅެ އުޅެ ނުފެނިގެން ނުހަނު ލަސްވެފަ ހުއްޓަކަން މަ ގެޔަށް އައިސް ނިދީ!” ނިދި އަޑަކުން، ނުހަނު ރުންކުރުވެފައި ހުރެ އާޝިއު ބުނެލިއެވެ.
“މިއުޅެނީ މަންހާ ހައްޔަރުކޮށްގެންނޭ! މަ ޕޮލިސް ސްޓޭޝަނުގައި ތެޅިބާލާފަ މިއައީ. އަދިވެސް ދުލެއް ނުކުރޭ، ނޭނގެ ދޫކޮށްލާނެ އިރެއް ވެސް. އެތައް އާދޭހެއް ކޮށްގެން ވެސް އެންމެ ފަހަރަކު ވާހަކަ ދައްކާލަން ވެސް ނުވެއްދި. އެކަމާ ހުރެ ތިޔަބުނާ ސޯދިގެއް ހޯދަން މަ ވެސް މިހާރު ކިހާ ވަރަކަށް އުޅެފިން! އާޝިއު، ކަލޭ ދެން ވެސް ތިތާ ނިދަން ނޯވެ، އެހީއެއް ވެދޭން ތެދުވެބަލަ!” ޝާއިރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“ތީގަ މަށައް ކުރެވޭނެ ކަމެއް އެބައޮތްތަ؟ ޝާއިރާއަށް ނޭނގުނު ވިއްޔަ ބޮޑު މަގުސަދެއް ހާސިލް ކުރަމުންދާ ދަނޑިވަޅެއްގަ ވެސް މަންހާގެ އެ ގަމާރު އަމަލުތައް ހުއްޓުވާކަށް! ބޮޑު ބަލ**! އެއްކޮޅުން އެ ޖިނާން އަނެއްކޮޅުން މަންހާ” އާޝިއު ވާހަކަ ދެއްކީ ނުހަނު ރުޅިގަދަވެފައި ހުރެއެވެ.
“ޖިނާންއޭ؟ އޭނަ އަނެއްކާ ކީއްކުރީ؟” ހައިރާންކަމާއެކު ޝާއިރާ އަހައިލިއެވެ.
“ނޭނގޭތަ؟ ޔަގީން މަ އިއްޔެ ފޮނުވި މެސެޖު ނުވެސް ބަލާކަން ތިހުންނަނީ! އަޅެ ޝާއިރާ ވެސް ކީއްތަ ވެގެން ތިއުޅެނީ؟ ޕާޓީގެ ކަންކަމުގައި އުޅެމުން މިކަމާ އުޅޭ ވަރަކުން ކަލޭމެންގެ ދުއްޕާން ވެސް މަށަށް މި ޖެހެނީ. ޕިސް! އެނގޭތަ އަމީރާ އެކްސިޑެންޓްވީ ކާކާ ހެދި ކަމެއް؟ އެއީ އަހަރެމެންގެ ޕްލޭންގެ އެއްވެސް ހިސާބެއްގައި އޮތް ކަމެއް ނޫން”
ދެން އާޝިއު ކިޔައިދޭން ފެށީ އަމީރާ އެކްސިޑެންޓް ވުމާ ހަމައަށް ޖިނާން އޭނާއަށް ފާރަލަމުން، ފަހަތުން މުގޯލި އަޅަމުން އައި ގޮތުގެ ވާހަކައެވެ. އެ ވާހަކަތައް އަޑުއަހާފައި ޝާއިރާ ރުޅިގަދަވެގެން ގޮސް ހަޅޭއްލަވައިގަތް އަޑު އިވުނެވެ.
“އަދި ބިރުބޮޑު ތަންކޮޅަކީ ޖިނާން އެހާ ފާޅުކަން ބޮޑު ގޮތެއްގައި އަމީރާއަށް ފާރަލިކަން. މޫނުގައި މާސްކުގަނޑެއް ވެސް ނެތް! އިއްޔެ ހިނގި ކަމެއް މީ… އެކަމަކު އަހަންނަށް މިހާރު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިއްޖެ” ވާހަކަ ނިންމާލަމުން އާޝިއު ބުންޏެވެ.
“އެ ކީއްވެ؟ އޭނަ އެވަރުގެ މޮޔަކަމެއް ކުރީމަ ދެންމެއަކު ނޫންތަ ކަލޭ ތިހާ އަޑުގަދަކުރީ؟ މިހާރު ކުއްލިއަކަށް ކިހިނެއްވެގެން ތި ހަމައަކަށް އެޅުނީ؟”
“ހޫމް، މަ ރޭގަ ވެސް ދިމާ ކޮށްފަ ވަރަށް ހިތްހަމަ ނުޖެހިގެން އެވާހަކަ ދެއްކިން.. އެހެންވެ ޖިނާން މިއަދު ދެންމެ ކޮށްފަ އޮތް މެސެޖެއް! އޭނަ އެބުނީ ހަމަޖެހެން.. އޭނާގެ ޕްލޭން އަދި ފެށިއްޔޯ.. އަމީރާއަށް ދިން ކުޑަ އިންޒާރަކޯ އެއީ އަދި އޭނާގެ ލޯބިވެރިޔާއަށް އިންޓްރޮ ވެލީ އޯ.. އެބުނީ އިޔާންގެ ވާހަކަ.. ޖިނާންއަށް އެނގޭ ވިއްޔަ އެ އިޔާންމެންގެ ގުރޫޕު ގަނޑު ކެމެރާގެ މަންޒަރުތައް ބަލާނެކަން.. ހުރިޙާ ކަމެއް ޖިނާންގެ އަތް މައްޗަށް ދޫކޮށްލާށޯ! ހާސް ނުވާށޯ! ދެން ބުނެފަ މިއޮތީ ސޯދިގްއާއި ބައްދަލުކުރެވޭނެ ގޮތެއް ހަދައިދޭން.. މިއީ ދޯ އަހަރެމެންނަށް ވެސް ނުވެގެން މިއުޅޭ ކަންތައް… އަހަންނަކަށް ނޭގޭ ސޯދިގު ހޯދަން ގުޅުނު އަދަދެއް! ރަވީހް ވެސް ވަރަށް ގޮސްފި ކަމަށް ވަނީ އޭނާ ހޯދަން..” އާޝިއު ބުނެލިއެވެ.
އެ ދެމީހުންގެ ވާހަކަތައް އިވެމުން ދިޔަ ވަރަކަށް، ހައިކަލްގެ މުށްކަވާފައިވާ ދެއަތަށް ބާރުވަމުން ދިޔައެވެ. ރުޅިގަދަވެގެން ގޮސް މުޅި މޫނުމައްޗަށް ލޭ އަރައި ރަތްވެގެން ދިޔައިރު، ދެލޮލުން ހީވަނީ އަލިފާންކަނި ބުރަމުން ދިޔަ ހެންނެވެ.
“މަންހާ ކީއްތަ ކުރީ؟” އާޝިއު އަހައިލިއެވެ.
“އޭނަ ހުރިހާ ކަމެއް އެއްވެސް މީހަކަށް ޝައްކުނުވާނެހެން ކޮށް ނިންމާލާފައި ވެސް، ސުޒީއާ އެކީ ސިނގިރޭޓު ބޯން ހުރީނު! ސުޒީ ބަސްޓުވީމަ އޭނަ ވެސް ތަހުގީގަށް ގެންދާނެއެއްނު. މަށަކަށް ވެސް ނޭނގެ މަންހާ ހޯދީ އެހާ ބާރުގަދަ ކެމިކަލެއް ކަމެއް. އަދި އެއިން މީހަކު މަރުވެދާނެ ކަމެއް އެނގޭނީ ކިހިނެއް! މަ ބުނީ ވެސް އަމީރާ ފަޟީހަތްވާ ކަހަލަ ކަމެއް ކޮށްފައި، ހައިކަލްއާއި އާމިލާގެ ހިތުގައި އޭނާއާ މެދު ރަނގަޅަށް ނަފުރަތު އުފައްދާށޭ. ” ޝާއިރާ ބުނެލިއެވެ.
“ހޫމް، މަންހާ ސަލާމަތްވިޔަސް އޭނަ ކައިރީ ބުނޭ މިކަން ނިމެންދެން މައިތިރިވެގެން ހުންނާށޭ! ޝާއިރާ، މަށަށް ހީވަނީ އާމިލާގެ ބޮލަށް އެރެންވީހެން. އާމިލާގެ ގާތަށް ގޮސް ކަލޭ ދެތިން ފަހަރު ރޮއެގަންނައިރަށް އޭނަގެ ހިތް މަޑުވެ، މުޅިން މަންހާގެ ކޮޅަށް ލެނބޭނެ. ތިބުނިހެން ސީދާ މަންހާ އެކަން ކުރި މަންޒަރު ކެމެރާއަށް ނާރަންޏާ އެމީހުންނަކަށް ނޭނގޭނެއެއްނު އެއީ މަންހާގެ ކަމެއް ކަމެއް!” އާޝިއު ލަފާ ދިނެވެ.
“އާން، ދެން ތިގޮތް އޮތީ! ހުވާ މިބުނީ ބޮޑު ފޫއްސެއް މި އާމިލާގެ މޫނު ދެކުން ވެސް.. ކަލޭ އުޅޭ ދެން ސޯދިގަށް ގުޅޭތޯ.. އިތުރު އެއްޗެއް ޖިނާން ބުނިތަ؟” ޝާއިރާ އަހައިލިއެވެ.
” މިއިން އެއްވެސް ކަމެއްގެ ހަބަރު މާއިންއަށް އެނގިގެން ނުވާނެ އޯ!” އާޝިއު ބުނެލިއެވެ. އެއަށްފަހު ދެން އިވުނީ އާމިލާގެ ގާތައް ޝާއިރާ ދަނީއޭ ބުނެފައި ދޮރު ހުޅުވާ ލެއްޕިއަޑެވެ.
އިވިގެން ދިޔަ ހުރިހާ ވާހަކަތަކެއްގެ ތެރެއިން ވެސް ހައިކަލް ހުއްޓުން އެރީ، އެންމެ ފަހުން އާޝިއު ބުނެލި ޖުމްލައިންނެވެ. ހައިކަލްގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. “މާއިން…” ލަސްލަހުން އެ ނަން ކިޔާލެވުނުއިރު، ހައިކަލްގެ ނޭވާ ވެސް ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ.
“އާޝިއު އެ ބުނީ މާއިންގެ ނަން!” ކާރުގެ ކުރީގައި އިން އާދަމް ވެސް އިނީ ހައިރާންވެ އަންތަރީސްވެފައެވެ. އަދި ހައިކަލްގެ މޫނުމަތިން ފެންނަމުން ދިޔަ ވޭނާއި ހިތާމަ ފެނި، އޭނާގެ ހިތުގައި އިންތިހާއަށް ހަމްދަރުދީ އުފެދިގެން ދިޔައެވެ.
“މާއިން.. މާއިން .. މަގޭ ހަގު ފިރިހެން ދަރި މާއިން؟” އާދަމްގެ މޫނަށް ބަލައިލަލުން ތުރުތުރު އެކުލެވޭ އަޑަކުން ހައިކަލްއަށް އެހުނެވެ.
“ލައްބަ، އަޅުގަނޑަށް ހީވަނީ.. އާޝިއު އާއި ޝާއިރާ ދައްކާނީ ހަމަ މާއިންގެ ވާހަކަ ހެން ހީވަނީ.. އެހެންނޫނަސް ބޮސްއަށް ވެސް އެނގެއެންނު މި އާއިލާއާއި ދޭތެރޭގަ މާއިން ބަހައްޓާ އެންޓި ގޮތް ގަނޑު..” އާދަމް ވާހަކަ ދެއްކީ އޭނާއަށް ލަފާކުރެވޭ ގޮތަކަށްށެވެ.
އިތުރު ހެއްކަކާ ނުލައި ވެސް އެ ވާހަކަތައް ގަބޫލުކުރަން ހައިކަލްއަށް މަޖުބޫރުވިއެވެ. އޭނާގެ އެހެން ދަރިން ޝާއިރާމެންނާ ދުރުން އުޅުނު ނަމަވެސް، މާއިން އެމީހުންނާ އަބަދުވެސް ބާއްވާ ގާތް ގުޅުމުގެ ސަބަބުންނެވެ. ހައިކަލް މާޔޫސްވެފައިވާ ހާލު ސީޓުގެ ތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ. ދެލޯ މަރާލައިގެން އޮތްއިރު، އެސްފިޔަތަކުގެ ދޭތެރެއިން ކަރުނަތިއްކެއް ފުރޭނިގެން ކޯތާފަތް މައްޗަށް ވެއްޓުނެވެ.
“ބޮސް، މިއާއިލާއާއި ދުރުން އުޅެ ސާއިރާ މެންނާއި ގުޅުން ރަނގަޅުކޮށްގެން މާއިން އުޅުނަސް އަޅުގަނޑު ހިތެއް ނުބުނޭ އަމީރާއަކީ ބޮސްއާއި މެޑަމްގެ ލޭކަން އެނގޭހެންނެއް” އާދަމްބުނެލިއެވެ. އެ ޖުމްލައާއެކު ހައިކަލް ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ.
“އާދަމަށް ކިހިނެއް ފެންނަނީ؟ ބޯ ގޮވާފައި ހުރިވަރުން ވިސްނުން ވެސް ރަނގަޅަކަށް މަސައްކަތެއް ނުކުރޭ” އާދައިގެ މަތިން އާދަމްގެ ލަފައަކަށް ހައިކަލް އެދުނެވެ.
“ފުރަތަމަ ބޮސް ދާންވީ ސޯދިގް ކައިރިއަށް!”
“ވަޓް!” އާދަމްގެ ޖަވާބު އަހާފައި ހައިކަލްގެ ދެލޯ ބޮޑުވާގޮތްވިއެވެ. އާދަމް ބޯޖަހައިލިއެވެ. އާދަމް ނެގީ އޭނާގެ އަމިއްލަ ފޯނެވެ. ދެން އިއްވާލީ ދާދި ދެންމެ އަކު ސްޕީކަރުން އިވިގެންދިޔަ ޝާއިރާއާއި އާޝިއުގެ ވާހަކަ ތަކެވެ. އާދަމް އެވަގުތު ފޯނުން އެ ރެކޯޑް ކުރީއެވެ.
“ތި ރިކޯޑީންގް ލިބޭނެއޭ ސިސްޓަމުން ވެސް.. ދެން ތިބުނާ ސޯދިގު އަހަރެންދެކެ އަންނަ ރުޅި އާދަމްއަށް އޮޅިފައެއް ނޯންނާނެ”
“އެނގޭ ތި ދެކަންތައް ވެސް.. ސޯދިގު ކައިރިއަށް ދާންވީ. ފުރަތަމަ އޭނަ ކައިރީ ރީތިކޮށް ހުރިހާ ވާހަކައެއް އަހާ. ހަރުކަށިކަން ދޫކޮށްލާފައި ވާހަކަ ދެއްކޭތޯ ބަލާ. އެކަމަކު މާޒީގެ ކަންކަން ހަނދާންކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކުން އޭނާ އެއްޗެއް ކިޔައިދޭން ދެކޮޅު ހަދައިފިއްޔާ، މި ރެކޯޑިން އަޑުއިއްވާ. އޭރުން އޭނާއަށް ވެސް ހަގީގަތް އެނގޭނެ. ދެން އޮތީ އަޅުގަނޑުގެ މަސައްކަތް” ވަރަށް ހަމަޖެހިލާފައި އާދަމް ބުންޏެވެ.
އެއްބަސް ނުޥާން އުޅެފައިވެސް ސޯދިގްއާއި ބައްދަލުކުރަން ހައިކަލް އެއްބަސްވިއެވެ. އަދި އާދަމް ފަހު ބުނެލި ޖުމްލައިގެ މުރާދު ނޭނގިގެން ސުވާލު ކުރިއެވެ.
“ޖިނާން އަކީ ކާކުކަން އަހަރެން ހޯދާނަން.. އަހަރެންގެ ޝަރުވާނު މޮޅީ ހަމައެކަނި އައިޓީއަކަށް ނޫން.. އެއީ ހަމަ ޑިޓެކްޓިވްއެއް.. ހަހަހަ… ވަރަށް މޮޅުވާނެ މީހުންގެ މައުލޫމާތު ހޯދަން… ފުލުހުންނަށް ވުރެން މޮޅު ބައެއް ފަހަރު.. އަހަހަހަ” ހިނިގަނޑެއް ޖަހާލަމުން އާދަމް ބުނެލިއެވެ. އޭނާއާއި ބައިވެރިވެ ހައިކަލްވެސް ކުޑަކޮން ހީލިއެވެ.
“އަދި މާއިންއާއި މިކަމުގަ ހުރި ގުޅުން އެނގޭތޯ މިއަދުން ފެށިގެން އަހަރެން މިބަލަނީ.. އެކަމާއި ބޮސް ހާސްވާނެ ކަމެއް ނެތް.. ބޮސް މަސައްކަތް ކުރޭ ސޯދިގާއި ބައްދަލުވެވޭނެ ގޮތެއް ފެނޭތޯ” އާދަމް އިތުރު ކޮށްލިއެވެ. ހައިކަލް އިރުކޮޅަކު ވިސްނާލާފައި ބޯޖަހައިލިއެވެ. އަދި ކަންކުރާނެ ގޮތް ސިކުނޑީގައި ރާވާލުމަށް ތައްޔާރުވިއެވެ.
****
އެނދުގައި އޮށޯވެލައިގެން އޮތް އިރު، އިރަމްގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އޭނާގެ މޭމަތީގައި ބޯއަޅާލައިގެން އޮތް ކުޑަކުޑަ ރީއާ އޮތީ ގަދަ ނިދީގައެވެ. އަނެއް ފަރާތުގައި ނީޝާން ވެސް އޮތީ އަރާމު ފުން ނިންޖަކަށް ގެނބިފައެވެ. އަމީރާއަށް ދިމާވި އެކްސިޑެންޓަށް ފަހު ވެސް، ހޮސްޕިޓަލަށް ގޮސް އޭނާގެ ހާލު ބަލައިލެވޭނެ ފުރުސަތެއް އިރަމްއަކަށް އަދި ނުލިބެއެވެ. އެކަމާއި އެހާ ބޮޑަށް ދެރަވެފައި ހުރި އިރު، އަދި އޭނާގެ ދިރިއުޅުމަށްވަނީ ހީނުކުރާފަދަ ތޫފާނެއް އައިހެވެ.
އިރަމް ސިހުނީ ފޯނަށް މެސެޖެއް އައި އަޑުއަހާފައެވެ. އެއަޑާއިއެކު މުޅިކުއްޖާ ސިހިގެން ކޮޅަށްޖެހުނެވެ. ދެލޯ ބޮޑުވެގެން ދިޔައިރު ފާޑަކަށް ތުރުތުރު އަޅައިގަތެވެ. ހިތްތެޅެމުން ދިޔަ ވަރުން ފޯނުގައި އަތުން ހިފާލައިގެން އިންނަންވެސް ވޭނަކަށެވެ. އެއީ މިހާރު އިރަމް އެންމެ ބިރުގަންނަ އަޑަށް ވަނީ ވެފައެވެ. ހުޅުވާފައި ބަލައިލި އިރު ހިންދިރުވާލެވުނެވެ.
“ކޮބާ ޖަވާބު؟ އަހަންނާ ގުޅޭނަންތަ؟ މިއަދަށް މިއީ މި ސުވާލު ކުރާތާ ވިހި ދުވަސް. ރިޖެކްޓް ކޮށްފިއްޔާ ވާނެ ގޮތް މާ ރީއްޗެއް ނުވާނެ. މި ފޮޓޯ ވައިރަލް ވާނެ އިނގޭ!”
ހަމަ އެ އިންޒާރެވެ. އެ މެސެޖުގެ ތިރީގައި ފޮނުވާފައި އޮތީ އިރަމްގެ ޒާތީ ފޮޓޯއެކެވެ. ވާރޭގައި ތެމި، ގައިގާ ތަތްލާފައިވާ ތުނި ގަމީހެއްގައި އޭނާ ހުރި މަންޒަރެވެ. އެއީ ނީޝާންއާ އެކު ޓެރަހުގައި މަޖާކޮށް ސަކަރާތް ޖެހި ދުވަހަކު، އިރަމް ކުރިން ގެންގުޅުނު ފޯނުން ނާޔާ ނަގައިދިން ފޮޓޯއެކެވެ.
ފޮޓޯ އެމީހަކަށް ދާން މެދުވެރީ ގޮތެއް އަދި އަދިދާންދެން ވެސް އިރަމްއަކަށް ނޭގެއެވެ. އެކުވެރިއަކަށް ވެސް އަދި ކުޑަމިނުން އިޔާންއާއި މީރާންއަށް ވެސް އޭނަ އެފަދަ ހެދުމެއްގައި ހުއްޓާ ދުވަހަކު ވެސް ނުފެނެއެވެ.
އެންމެ ފުރަތަމަ އެ މެސެޖު އައީ، އޭނާގެ ފަހަތުން މީހަކު ދުވެފައި އައި ރޭގެ ބިރުވެރި ހާދިސާއަށްފަހު، ހޮސްޕިޓަލުން ދޫކޮށްލި ރެއެވެ. އެރޭ ގޭގެ ޓެރަހުގައި އަމީރާއާ އެކު ވާހަކަ ދައްކަން އިންދާ ލިބުނު އެ މެސެޖަށްފަހު، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ފޮޓޯއާއެކު މެސެޖުތައް އަންނަން ފެށިއެވެ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އިރަމް މުޅިން ބަލިކަށިވެފައި ވީނަމަވެސް، އެހެން މީހެއްގެ އެހީއަކަށް އެދޭކަށް ވެސް އޭނާއަކަށް ނުކެރުނެވެ. އިންޒާރުގެ ހަތިޔާރަކަށް އެ ހަޑިމުޑުދާރު ފޮޓޯ ބޭނުންކުރާތީއެވެ. އެތައް ގޮތަކުން ބެލި ނަމަވެސް، އެއީ ކާކު ފޮނުވާ އެއްޗެއްކަން ހޯދޭ ގޮތެއް ވެސް އިރަމްއަކަށް ނުވިއެވެ.
އެމީހެއްގެ ހަމައެކަނި އެދުމަކީ، ސަދަފްއާ އޮތް ގުޅުން ކަނޑާލައި އޭނާއާ ގުޅުމެވެ. އެކަމަކު އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ސަދަފް ދެކެ ވާ ލޯބި އިހުސާސް ވާނީ ހުދު އިރަމްއަށް ނޫން ހެއްޔެވެ؟ އެ އިންޒާރުތަކުގެ ސަބަބުން މިހާރު ސަދަފްގެ ފޯނު ކޯލަކަށް ޖަވާބުދޭނެ ހިތްވަރެއް ވެސް އިރަމްގެ ގަޔަކު ނެތެވެ.
“”ބޭބް… އަޅެ އަހަންނަށް އާނއެކޭ ބުނެބަލަ. ސަދަފްއަށް ވުރެ މާ ބޮޑަށް އަހަރެން ލޯބިވާނަމޭ
ދެވަނަ މެސެޖު އައިއިރު، އޭގެ ތިރީގައި ވެސް ހަމަ އެ ފޮޓޯ އޮތެވެ. އެއްވެސް މީހަކަށް އެ ވާހަކަ ކިޔައިނުދިނުމަށް، ބަހެއް ނުބުނެ ކޮންމެ ފަހަރަކު ވެސް ދޭ އިންޒާރެއް ފަދައެވެ.
އިރަމްއަށް ހިތާމައިން ފޯވެފައިވާ ހާލު ތުންފިއްތާލެވުނެވެ. އެހެން އިންދާ ކުއްލިއަކަށް ސަދަފް ގުޅަން ފެށުމުން، ކެތްތެރިކަން ކޮޅުންލައި އިރަމްގެ ބަޑިފަޅައިގެން ދިޔައެވެ. އެނދުގައި ނިދާފައި ތިބި ދެ ކުދިންނަށް އަޑު އިވިދާނެތީ، ދެއަތުން އަނގަމަތީގައި އަޅައި ބާރުކޮށްލަމުން، ދުވެފައި ގޮސް ފާހާނާއަށް ވަދެ ދޮރު ލައްޕައިފިއެވެ.
***
(ނުނިމޭ)

5 ހިޔާލު

  1. Anonymous
    12:11 ⁧⁦21/8/2026⁩⁩

    oh my god
    this is so sad💔💔💔💔💔💔

  2. Zoo
    16:07 ⁧⁦21/8/2026⁩⁩

    Pls dont seperate Iram & Shedy again 😭

  3. Anonymous
    11:48 ⁧⁦24/8/2026⁩⁩

    ވަރަށް ރީތި ވާހަކައެއް. ކުރިޔައް އޮތް ބައި ކޮން އިރަކުން ރިލީޒް ކުރަނީ

  4. Anonymous
    00:08 ⁧⁦31/8/2026⁩⁩

    Dhn kon irakun 49 episode kiyaalan libeynee

  5. Anonymous
    00:08 ⁧⁦31/8/2026⁩⁩

    Dhn kon irakun 49 episode kiyaalan libeynee

ކިޔުންތެރިންގެ ހިޔާލު