މި ޖިސްމުގާ ވަނީ 47 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 47

އަމާޔާގެ މުޅި ދިރިއުޅުމާއި އަމާޔާގެ ނަން އަމީރާގެ ނަމަށް ބަދަލުވެ، އެމީހުންގެ ގާތުން ނުވެސް ދަންނަ ބޭރު އަދި އެހާ ދުރުތާކަށް ދެވުނު ގޮތެއް ހައިކަލްއަކަށް ނޭނގޭއެވެ. ނަމަވެސް އެއީ އޭނާގެ ލޭކަން ޔަގީން ވެއްޖެއެވެ. އެއީ އޭނާގެ އަތުން ބީވި ކުޑަކުޑަ އަމާޔާކަން ކިތަންމެ ބޮޑަކަށް ވެސް ޔަގީން ވެއްޖެއެވެ. ހައިކަލްގެ މެއިން ދިލަ ނަގައިގަތީ، އަމީރާ އިހުއުޅުނު މާހައުލުގައި އޭނާއަށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހި އެތަކެއް އަނިޔާތަކެއް ތަހައްމަލުކުރަން ޖެހުނު ވާހަކަ ނަދީމް ކިޔައިދިން ހަނދާންވުމުންނެވެ.
“އަމާޔާ، ބައްޕަ ދަރިފުޅު.. އެންމެފަހުން ބައްޕައަށް ފެނިއްޖެ” ދެލޯ މަރާ ބާރުކޮށްލައިގެން އިނދެ ހައިކަލް ދިޔައީ ގިސްލާ ރޮމުންނެވެ.
****
މާކިން ބޭއްވިފައި އޮތް އެނދުގެ އަރިމަތީގައި ބޯ އަޅުވާލައިގެން މަހާ އޮތެވެ. ފިލްމެއް ބެލުމުގައި ރޭގެ ބޮޑުބައެއް ނުނިދާ ހުރުމުން، ފަތިސްވެގެން އައިއިރު އޭނާއަށް އޮތީ ނިދިފައެވެ. ގަދަނިދީގައި އޮތްވާ ހޭލެވުނީ، ކޮޓަރީގެ ދޮރުހުޅުވުނު އަޑުންނެވެ. ނިދިމަޑުކަމުން ކިރިޔާ ހިލަމެއްގެ އަޑު އިވުނަސް އޭނާއަށް އެނގެއެވެ. އުނދަގޫ ގޮތަކަށް އެސްފިޔަތައް ތަޅުވާލަމުން ބަލައިލިއިރު ޑޮކްޓަރާއި ނަރުހެއް އެތެރެއަށް ވަންނަނީއެވެ. ގަޑިން މެންދުރު އެކެއް ޖެހުމާއި އެކު އާދައިގެ މަތިން އެމީހުން ބަލަން އައީއެވެ.
“ރަނގަޅުދޯ ހުރިހާ ކަމެއް ވެސް؟” ހިނިތުންވެލަމުން ޑޮކްޓަރު ކޮށްލި ސުވާލަށް މަޙާ ވެސް ހީލަމުން ބޯޖަހައިލިއެވެ. ޑޮކްޓަރު ދެން އުޅުނީ މާކިންގެ ގައިގާ ކަށިގަނޑު ޖެއްސުމައިގެންނެވެ.
މާކިންގެ ހާލަތު ބެލުމަށްފަހު ދަމުން އެމީހުން ދިނީ ހަމަ އާދައިގެ މަތިން ދޭ ޖަވާބެވެ. ހާލަތު ރަނގަޅުކަމަށާއި ކޮންމެ ވަގުތަކުވެސް ހޭއަރާފާނެކަމުގެ ކަމުގެ ހަބަރެވެ. އާދައިގެ މަތިން މަޙާ ވެސް އެމީހުންނަށް ބޯޖަހައިލަ ޖަހައިލަ އިނެވެ.
ދޮރު ލެއްޕުނު އަޑުއަހާފައި މަޙާ އަނެއްކާ ވެސް ގޮނޑީގެ ތެރެއަށް ވެއްޓިގަތެވެ. ރަނގަޅަށް ނިދި ނުފިލާ ހުރުމުން އާފުރެމުން ދިޔައެވެ. އެކަމަކު ދެން ނިދާކަށް މަހާ ނޫޅުނެވެ. ބަނޑުހައިކަން އިޙްސާސްވެގެން އެންމެ ފުރަތަމަ ހޮސްޕިޓަލްގެ ކެފެޓީރިއާއިން ކާ އެއްޗިސްއަށް އޯޑަރުކުރިއެވެ.
“އޯކޭ، ލެޓްސް ގޯ މާކިން” ހެދުމުގެ އަތުކުރި އޮޅާލަމުން މަހާ ވަނީ ފާހާނާއަށެވެ. އެނބުރި އައީ ކުޑަވަރެއްގެ ބޯތައްޓަކަށް ފެންއަޅާއިގެންނެވެ. އެނދުގެ މަގަތުގައި ހުރި މޭޒުމަތީގައި ތަށި ބޭންދުމަށްފަހު ހުދު ފޮތިކޮޅެއް ހިފައިގެން މާކިންއާއި ގާތްވެލިއެވެ. އޭނާގެ މަސައްކަތް ފެށުމުގެ ކުރިން މާކިންގެ މޫނަށް ފުން ނަޒަރެއް ދެވުނެވެ.
މާކިންގެ މޫނުމަތީގައި އިހު ހުރި ލަކުނުތައް ސާފްވެ އަސްލު ސޫރަ މިހާރު ފެނެއެވެ. އިސްތަށިގަނޑު ދިގުވެފައި އޮތުމުން ކަންފަތް ފޮރުވެއެވެ. ނިތްމައްޗަށް ފައިބާފައިވާ އިސްތަށިތަކުން އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނުވައިދެއެވެ. ދިގުވެފައިވާ ތުނބުޅިއާއި މަތިމަހުގެ ސަބަބުން ތުންފަތުން ބައެއް ފޮރުވިފައި އޮތް ނަމަވެސް، އޭނާގެ ފިރިހެންވަންތަކަން ހާމަވެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ބަލި އެނދުގައި އޮންނަން ޖެހުމުގެ ސަބަބުން ހަށިގަނޑު ކޮންމެވެސް ވަރަކަށް އަނަރޫފަވެފައި ވީނަމަވެސް، އެކަމުން އޭނާގެ ފުރިހަމަކަމަކަށް އެއްވެސް އުނިކަމެއް ނާދެއެވެ.
މާކިންއާއި ދިމާ ބަލަން ހުރި އިރު މަހާގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލީ އޭނާއަށް ވެސް ނޭނގި ހުއްޓައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވުނު އަޑަށް ހިނިތުންވުން ފޮރުވާލިއެވެ. އޭނާ އޯޑަރު ކުރި ކާއެއްޗިހި ގެނެސްދިނީއެވެ. އެހިފައިގެން އައި މީހާއަށް ޝުކުރު އަދާކުރުމަށްފަހު އަމިއްލަ ކޯތާފަތުގައި ދެއަތުން ޖަހާލިއެވެ.
“ވޭކްއަޕް މަހާ… ތިއުޅެނީ ކިހިނެތް؟ ނުވާނެ އެންނު މާކިންއާއި ދޭތެރޭގައި މިހެން ވިސްނާކަށް ވެސް” އަނގަޔަށް ވައްތަރެއް ޖައްސާލައިގެން ހުރެ މަހާ ކިޔާލިއެވެ. އޭނާ ވާހަކަ ދެއްކީ އާދައިގެ މަތިން އަމިއްލަ ނަފްސާއެވެ. އެހެނަސް ފުދޭވަރަކަށް ބާރަށެވެ. މާކިންއަށް ވާހަކަ ކިޔައިދީދީ އޭނާގެ އާދައިގައި އެ ސިފަ ހިފީއެވެ.
މަހާ އަލުން އޭނާގެ މަސައްކަތަށް އެނބުރިލިއެވެ. މާކިންގެ ގައިމަތީގައި އޮތް ކުއިލްޓް މަޑުމަޑުން ތިރިކޮށްލުމަށްފަހު، އޭނާ ލައިގެން ހުރި ގައުންގެ އަތް އޮޅާލިއެވެ. އެ ވަގުތު އަނެއްކާވެސް އެ މޫނު އިހުނަށްވުރެ ގާތުން ފެނުމުން މަހާގެ މުޅި ހަށިގަނޑުގައި ފިނި އޮއިވަރެއް ދުވެލި ކަހަލައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އޭނާ ދެފަރާތަށް ބޯ ހޫރުވާލައި ހިޔާލުތައް ފޮރުވާލިއެވެ. ފެން އެޅި ތަށި އެނދުގެ ފަޑީގައި ބެހެއްޓުމަށްފަހު، ހުދު ފޮތިކޮޅެއް ތެތްމާލައިގެން މާކިންގެ ނިތްކުރީގައި ހާކާލިއެވެ. އެ މޫނާއި، ކަރާއި، ދެއަތުގައި ނުހަނު އޯގާތެރިކަމާއެކު އެ ފޮތިކޮޅުން ފެން ފޮހެދެމުން ދިޔައެވެ. މިއީ ކޮންމެ ދުވަހަކުވެސް މަހާ ކުރާ ހިތްވާ އަދި އާދަވެފައިވާ ކަމެކެވެ. އެ މަސައްކަތުގައި އިންނައިރުވެސް، ގިނަ ފަހަރަށް އޭނާއަށް އެ ރީތި މޫނަށް ބަލަން އިނދެވެއެވެ.
ގަޑިއެއްހާއިރު އެ މަސައްކަތުގައި ހޭދަކުރުމަށްފަހު، މަހާ އެނދާ ދުރަށް ޖެހިލިއެވެ. ގެންގުޅުނު ސާމާނުތައް ތަރުތީބުކޮށްލާފައި އެނބުރި އައި ވަގުތު، ޝާއިރާގެ ކޯލެއް އޭނާގެ ފޯނަށް އަންނަމުން ދިޔައެވެ. ފޫހިވެފައިވާ ނަޒަރަކާއެކު ފޯނަށް ބަލައިލުމަށްފަހު، ފޯނު ނެގުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތި އޭނާ އެކަން ދޫކޮށްލިއެވެ. އަދި ކާއެއްޗެހި ހިފައިގެން ގޮސް ސޯފާގައި ދެފައި ވައްކޮށްލައިގެން އިށީނދެ ހަމަޖެހިލައިގެން ކާން ފެށިއެވެ.
****
އާދުވަހަކަށް އެރި އިރާއި އެކު ގޭގެ ހުރިޙާ ކުދިންގެ އޮފީހަށް ގޮސްފިއެވެ. ބޮލުގައި ރިއްސާ ކަމުގެ ބަހަނާގައި ހައިކަލް މިއަދު މަޑުކޮށްލީ ގޭގައެވެ. އެއީ ކޮންމެހެން ބޮލުގައި ރިއްސާތީއެއް ނޫނެވެ. ނަމަވެސް ހައިކަލް ގޭގައި މަޑުކުރަން ބޭނުންވާ އަމިއްލަ މަގްސަދެއް އިނީއެވެ. އޭނާ ބަލި ޥާހަކަ ބުނުމުން އާމިލާ ވެސް މިއަދު ރެސްޓޯރެންޓަކަށް ނުދެއެވެ. އެކަމުގެ ސަބަބުން މަސައްކަތް ނުފެށި އިރުކޮޅެއް ވެއްޖެއެވެ. އެނދުން ނުތެދުވެ އޮތްވާ ފޯނު ރިންގުވާން ފެށިއެވެ.
“ބޮސް، މެޑަމް ގޮސްފި ޒަންއާއި އެއްކޮން ޒަން މެންގެ ގެޔަށް… މިވަގުތު ވަރަށް އަމާން ގޭތެރެ” އެކޮޅުން ޥާހަކަ ދެއްކީ ހައިކަލްގެ ޑުރައިވަރު އާދަމްއެވެ.
“ޕާފެކްޓް، ކޮބާތަ ޝާއިރާމެން؟” ހައިކަލް އަހާލިއެވެ.
“މަންހާ އޮފީހުގަ.. ޝާއިރާ ބޭރުގަ އިނީ.. އޭނައަށް ނުފެނި އެކޮޓަރީގެ ތެރެއަށް ވަދެވޭނެ.. އަޅުގަނޑުގެ ދަރިފުޅު ވެސް ތައްޔާރަށް ހުރީ… އަޅުގަނޑު މަޑުކޮށްލާނަން ޝާއިރާ ފެންނަ ހިސާބުގަ.. ކޮޓަރިއަށް ވަންނަން ދަންޏާ ހަބަރެއް ވެލާނަން، ފޯނު ނަގައްޗޭ” އާދަމް ބުނެލިއެވެ. ލިބުނު ހިތްހަމަޖެހުމާއިއެކު އެނދުންތެދުވެ، ބޮލަށް ޓީޝާޓެއް ވައްޓާލަމުން ހައިކަލް ކޮޓަރިން ނުކުމެއްޖެއެވެ.
ހައިކަލްއަށް އާދަމްއާއި ދިމާވީ ސިޑިއާއި ހިސާބުންނެވެ. ދެމީހުންގެ ދެމެދުގައި މުއާމަލާތް ކުރެވުނީ ލޮލުން ކުރި އިޝާރާތްތަކުންނެވެ. ފަހަތުން އައުމަށް ލޮލުން އާދަމް އިޝާރާތް ކޮށްލުމާއި އެކު ހައިކަލްވެސް ފަހަތުން ދިޔައެވެ. އޭނާ ގޮސް މަޑުކޮށްލީ ޝާއިރާއާއި އާޝިއުގެ ކޮޓަރީގެ ކުރިމަތީގައެވެ. އޭރު ކުރީންސުރެން އާދަމްގެ ފިރިހެން ދަރިފުޅު އެތާގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ ކޮނޑުގައި ކަޅުކުލައިގެ ދަބަހެއް އޮތެވެ. ހައިކަލް ފެނުމާއި އެކު ހިނިތުންވެލިއެވެ. ހައިކަލް ވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން ސަލާމަތް އަތް ދިއްކޮށްލިއެވެ.
“ދަރިފުޅާ، ޝަރުވާން.. މަސައްކަތް ރަނގަޅަށް ކުރައްޗޭ” އާދަމް ދަމުން ސަރުވާނުގެ އުނަގަނޑުގައި ފިރުމާލިއެވެ. އޭނާ ބޯޖަހައިލަމުން ހައިކަލްގެ ފަހަތުން އެކޮޓަރީގެ ތެރެއަށް ވަނެވެ.
އެތެރެއަށް ވަދެވުމާއެކު ހައިކަލް އެންމެ ފުރަތަމަވެސް ހުޅުވާލީ އެ ކޮޓަރީގައި ހުރި ބޮޑު އަލަމާރިއެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ ޝާއިރާގެ ދިރިއުޅުމުގެ ކިލަނބު ސިއްރުތައް ހާމަވެދާނެ ފަދަ އެއްވެސް ލިޔުމެއް ނުވަތަ އެއްޗެއް ފެނޭތޯއެވެ. އޭނާ ދުނިޔޭގައި ހުއްޓާ ޝާއިރާގެ އެއްވެސް ރޭވުމެއް ދެން ކާމިޔާބު ވިޔަކަ ނުދޭނެއެވެ. ހައިކަލްގެ އަޒުމް ވަރުގަދައެވެ. އޭރު ސަރުވާން އުޅުނީ އޭނާގެ ދަބަހުން “އޯޑިއޯ ޓްރާންސްމިޓާ” ބަގްސްތައް ނެގުމުގައެވެ.
ސަރުވާންގެ މަސައްކަތް ހުރީ ވަރަށް ފަރުވާތެރިކޮށެވެ. އޭނާ ފުރަތަމަ ބަގް އެއް ހަރުކޮށްލީ އެނދާއި އިންވެގެން ހުރި ސައިޑްޓޭބަލްގައިވާ ލޭމްޕްގެ އެތެރޭގައެވެ. ދެވަނަ ބަގް ހަރުކުރީ ކޮޓަރީގައި ހުރި އޭސީގެ ވެންޓްގެ ތެރޭގައެވެ. މިއީ އެކޮޓަރީގެ ކޮންމެ ދިމާލަކުން ދައްކާ ވާހަކައެއްވެސް އެންމެ ސާފުކޮށް ރެކޯޑް ކުރެވޭނެ ހިސާބުތަކެވެ.
“ބޭބޭ، ނިމެއްޖެ.. މިހާރު ފޯނަށް އަޅާފަ މިއިން ހައި-ޓެކް އެޕްލިކޭޝަން މެދުވެރިކޮށް މި ހުރިހާ ބަގްސްތަކެއް ބޭބެއަށް ކޮންޓްރޯލް ކުރެވޭނެ އިނގޭ” ސަރުވާން ފޯނުގެ ސްކްރީން ދައްކާލަމުން ވަރަށް އިތުބާރާއެކު ބުންޏެވެ. “މީގެ ޚާއްޞަ ކަމަކީ މި ބަގްސްތަކުގައި ހުންނަ ‘ނޮއިސް ކެންސަލޭޝަން’ ފީޗާ. އޭގެ ސަބަބުން ކޮޓަރީގައި ފަންކާ ޖަހާފައި ހުރި ނަމަވެސް، ދައްކާ ވާހަކަ ހަމަ ވަރަށް ކްލިއަރކޮށް ބޭބެއަށް އިވޭނެ. އަދި ލެޕްޓޮޕާ މިހާރު މިއިނީ ސިންކް ކޮށްފައި، އެހެންވީމާ ފޯނަށް ކަމެއް ވިޔަސް ލެޕްޓޮޕުން ހުރިހާ މައުލޫމާތެއް ބެކަޕް ކުރެވޭނެ” ޝަރްވާން އިތުރަށް ކިޔައިދިނެވެ.
ސަރުވާން ދިއްކޮށްލި ފޯނާއި ލެޕްޓޮޕްގައި ހައިކަލް އަތްލިއެވެ. އޭނާގެ ހިތަށް ބޮޑު ތަސައްލީއެއް ލިބުނެވެ. މި ޒަމާނީ އާލާތްތަކުގެ އެހީގައި ޝާއިރާގެ ރޭވުންތައް ފަޅާއަރުވާލުމަކީ ދެން މާ އުނދަގޫ ކަމަކަށް ނުވާނެއެވެ.
ކޮޓަރީގެ ސާމާނުތައް ކުރިން ހުރިގޮތަށް، އެއްވެސް މީހަކަށް ޝައްކު ނުވާނެހެން ތަރުތީބުކޮށްލުމަށްފަހު ދެމީހުން މަޑުމަޑުން ބޭރަށް ނުކުމެލިއެވެ.
“އެ އަލަމާރިއަކުން ނުފެނުނު މުހިއްމު އެއްޗެއް.. ދެން ހުރި ވަތްގަނޑުތައް ލޮކްކޮށްފަ ހުރީ.. ދެން އޮތީ މަންހާގެ ރޫމް” ހައިކަލް ބުނެލިއެވެ.
ސަރްވާން ވެސް ބޯޖަހާލާފައި އޭނާގެ ފަހަތުން ވަނެވެ. އެކޮޓަރިތެރެ އޮތްގޮތުން ދެ މީހުންގެ މޫނުމައްޗަށް ވެރިވީ ފަކުރު އެއްޗެއް ފެނުމުން ވެރިވާނެ ފަދަ ކުލަވަރެކެވެ. އެއްވެސް ތަރުތީބެއް ނެތެވެ. ލާން ގެންގުޅޭ އަންނައުނާއި މަންހާ ކައިފައި ހުރި ލުއިކާނާ ޕެކެޓުތަކުގެ ހުސް ކަރުދާހާއި، ބޮއި ހުސްކޮށްފައި ހުރިފުޅިއާއި ދަޅުތައް ހުރީ ޓައިލްސް މަތީގައެވެ. ބޭރުން އޯޑަރުކޮށްގެން ގެނެސްގެން ކައިފާއި ހުރި ސާމާނުތަކުގެ ހުސްތަށިތައް ވެސް އެތަން މިތާގައި ހުއްޓެވެ. އެތަކެތިން އަރަމުން ދިޔައީ މޭނުބައި ކުރާ ފަދަ ނުބައި ވަސްގަނޑެކެވެ. ހައިކަލްއަށް ނޭފަތާއި ދިމާލުގައި އަތް ހުރަސް ކޮށްލެވުނު އިރު، ސަރުވާން ހުރީ އޭނާ ލައިގެން ހުރި ޓީޝާޓު މައްޗަށް ހިއްލާލައި އެއިން ނޭފަތް ފޮރުވާލައިގެންނެވެ. އޭނާ ލަސް ނުކޮށް އިތުރު ބަގްސްތައް ނަގާއި އެކޮޓަރީގެ އެކި ހިސާބުތަކުގައި ހަރުކޮށްލިއެވެ. ދެން ފެށީ އެ ވެސް ހައިކަލްގެ ފޯނާއި ގުޅުވާލުމުގެ މަސައްކަތެވެ.
“ވަރުގެ ކޮޅަށް ނަލަހެދި ލައިގެން ބޭރަށް ނުކުންނަ އިރު މަންހާއަށް މިތަން ތާހިރުކޮށްލަން ވެސް ނުކެރޭ.. ނުވާއިރު ގޭގެ މެއިޑުންނަށްވެސް އަންގާލާފަ އޮންނަނަމަ ވެސް މިވަރެއްނުވާނެ.. މިއީ ދެން ތަންކޮޅެއް ބޮޑުވަރު” ހައިކަލް ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. އަތްނުލާން ހުރެފައި ވެސް އޭނާ ކުޑަކޮން އަލަމާރިއާއި ކަބަޑުތައް ހާވާލިއެވެ. މުހިއްމު އެއްޗެއް ނުފެނެއެވެ. ސަރުވާން ނިމުމުން ހައިކަލް ލަސްނުކޮށް ދެން ބެލީ އެތަނުން ނުކުމެވޭތޯއެވެ.
ދެމީހުންނަށް ތިރިއަށް ދެވުނު އިރު ޝާއިރާ ފެންނާކަށް ނެތެވެ. އޭރު އާދަމް މަޑުކޮށްލައިގެން ހުރީ ގެއަށް ވަންނަ ދޮރު ކައިރީގައެވެ. ހައިކަލް ނިތް އަރުވާލިއެވެ.
“ޝާއިރާ ގޮސްފި ރެސްޓޯރެންޓަށް.. އެހެންވެ މަޑުކޮށްލީމަ..” އާދަމް ޖަވާބު ދިނެވެ. އެހެންހޭ ބުނެ ހައިކަލް ދޫކޮށްލީ ހަމަޖެހުމުގެ ނޭވާއެކެވެ. ޝަރުވާންގެ މަސައްކަތް އެހިސާބުން ނިމުމުން އޭނާ ދާންވެގެން ނުކުތެވެ. ހައިކަލް އޭނާއަށް ނުހަނު ބޮޑަށް ޝުކުރު އަދާކުރިއެވެ. އެއީ ކަމެއް ނޫން ކަމަށް ބުނެ އޭނާ ވެސް ހީލަމުން އެގެއިން ނުކުތެވެ.
****
އަމީރާ އުޅެމުން ދިޔައީ ރެސްޓޯރެންޓުގެ ބަދިގެ ތެރޭގައެވެ. ހުދުކުލައިގެ ސާފު ޔުނީފޯމުގެ މަތިން އޭޕްރޯނު އަޅުވާލައިގެން ހުރިއިރު، އެ މޫނުމަތިން ފެންނަނީ އާދަޔާ ހިލާފު ފުރިހަމަކަމެކެވެ. ބުޅި އިސްތަށިގަނޑު ހުޅިއަކުން ހައްޔަރުކޮށްލާފައި އޮތް ނަމަވެސް، ނިތްކުރިމައްޗަށް ފައިބާފައިވާ ކުދި އިސްތަށިކޮޅުތަކުން އޭނާގެ ރީތިކަން އިތުރުކޮށްދެއެވެ.
އޭނާގެ މުޅި ސަމާލުކަން ހުއްޓިފައިވަނީ އުދުންމަތީގައި ކެކިކެކި ހުރި ތަވައަށާއި އޭގެ ތެރޭގައި ތައްޔާރުވަމުންދިޔަ ސްޕެއިންގެ މަޝްހޫރު ‘ގަޒްޕާޗޯ’ ސޫޕަށެވެ. ތަފާތު ތަރުކާރީތަކާއި ސްޕެއިންގެ މީރު ރަހަތަކުން މުއްސަނދިވެފައިވާ އެ ސޫޕުގެ މީރުވަސް މުޅި ބަދިގެތެރޭގައި ހިފާލާފައިވަނީ ހިތްތަކަށް އުފާވެރިކަން ގެނުވަމުންނެވެ.
ވަރުބަލިކަމުގެ ކުލަވަރު އަމީރާގެ ދެލޮލުން ފާޅުވާން ހުރި ނަމަވެސް، އޭނާގެ މަސައްކަތަކަށް އެއްވެސް ފަރުވާކުޑަކަމެއް ނާދެއެވެ. ކޮންމެ ފިޔަވަޅެއް އަޅަމުންދިޔައީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ. ސަމުސަލުން ސޫޕުގެ ރަހަ ބަލާލުމަށްފަހު، ރީތި ހިނިތުންވުމެއްގެ އަސަރު އެ ތުންފަތްމައްޗަށް ވެރިވީ، ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހިފައި ހުރި ފަދައަކުންނެވެ. ނިތްކުރިމަތީގައި ބަބުޅަމުންދިޔަ ދާ ތިކިތައް ޓިޝޫއަކުން ފުހެލަމުން އުނދުން ނިއްވާލީ އޭނާގެ މަސައްކަތް ނިމުންނެވެ. އިތުރު ސްޓާފަކު ގެނެސްދިން ތައްޓަކަށް ސޫޕްތައް އެޅުމަށްފަހު ރީތިގޮތަކަށް ޒީނަތްތެރިކުރިއެވެ. ހިތްހަމަ ޖެހޭ ވަރުވުމުން ތަށިތައް ބޭރަށް ގެންދިއުމުގެ ހުއްދަ ދިނެވެ.
ނޭވާލާނެ ފުރުސަތެއް ލިބުމުގެ ކުރިން، އޭނާ އަވަސްވެގަތީ ދެން ތައްޔާރުކުރަން އޮތް ކެއުމުގެ މަސައްކަތް ފެށުމަށެވެ. ކަޓިންބޯޑު މަތީގައި އަތުރާލި ސާމާނުތައް ކޮށުމުގައި އަމީރާ އުޅެންފެށިއެވެ. ތަރުކާރީއާއި ކެއްކުމަށް ބޭނުންވާ ސާމާނުތައް ހަމަކޮށް ކޮށުންއެއީ އެހީތެރިންނަށް ކުރަން އޮންނަ ކަމަކަށް ވިޔަސް އަމީރާ ކައްކާ ކޮންމެ ކެއުމަކަށް އެ މަސައްކަތް ކުރަނީ ހުދު އޭނާ އަމިއްލަ ދެއަތުންނެވެ. ފަރިތަކަމާއިއެކު ސާމާނުތައް ކޮށަމުން ދިޔައިރު ބަދިގެ ތެރޭގައި ލުއި މިއުޒިކެއް ފަދައިން ހިފާލާފައިވަނީ ‘ޗޮޕް ޗޮޕް’ އަޑެވެ.
ނަމަވެސް، އިރުގަނޑެއް ފަހުން ބަދިގޭގެ ހަމަހިމޭންކަން މުގުރާލީ ހާސްކަމާއެކު ދުވަމުން އެތެރެއަށް ވަތް ވެއިޓަރެކެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔަ ބިރުވެރިކަމުން ކޮންމެވެސް ބޮޑު ކަމެއް ގޯސްވެއްޖެކަން އަމީރާއަށް އިހުސާސްވިއެވެ. އަމީރާގެ މަސައްކަތް މެދުކަނޑާލަމުން އޭނާ ކުރެން ކަމެއް ގޯސްވީތޯ އެއްސެވެ.
“އެމީ! ދެންމެ އެމީ ހެދި ސޫޕް ބޮއެގެން ކަސްޓަމަރަކު ފުޑް ޕޮއިސަންވެގެން ވަރަށް ހާލު ދެރަވެއްޖެ!” އެ ވެއިޓަރުގެ ޖުމްލައާއެކު އަމީރާގެ ދެލޯ ބޮޑުވިއެވެ.
“އޭންން، އެހެން ކީއްވެ ވާންވީ؟ އަހަންނަކީ ދުވަހަކުވެސް ފަރުވާ ކުޑަކޮށް އެއްޗެއް ކައްކާ މީހެއް ނޫންކަން މިތާތެރޭގަ މިއުޅޭ އެންމެންނަށް އެނގޭނެ.. އަނެއްކާ އަހަރެންގެ އިންގްރިޑިއެންޓްސްތައް ކޮންމެ ކެއްކުމެއް ފެށުމުގެ ކުރިން ޑަބަލް ޗެކް ކުރަން.. ނުވިތާކަށް ހަދާ ކާއެއްޗެއްގެ ރަހަ ބަލާފަ މި ފޮނުވާލަނީ ސާވް ކުރަން.. ދެންމެވެސް ރަހަ ބެލިން.. މަށައް ކަމެއް ވެފައެއްނު އެހެންމީހަކަށް ކަމެއް ވާނީ..” އަމީރާއަށް ވާޙަކަ ދެއްކުނެވެ. އޭނާގެ ސިކުނޑި ސުވާލުތަކުން ފުރުނެވެ. ކޮންމެވެސް ނުބައެއް އުޅޭކަން އޭނާއަށް ޔަގީނެވެ.
” ނޭނގޭ އެމީ، މިއީ ކިހިނެތްވީ ކަމެއް ކަމެއް..އެނގޭތަ އެއީ އަހަރެމެންގެ ވީ އައިޕީ ކަސްޓަމާސް.. އެހެންވެ ހީވަނި ވަރަށް މައްޗަށް މިކަން ދާނެހެން..ވީއައިޕީ ސެކްޝަނުގަ މިކަމެއް ހިނގީމަ އަދި އިތުރު ތާކަށް ނުދޭ މިހަބަރެއް.. އެކަމަކު މިއަދު އާމިލާ މެޑަމް ނުދުރުވާތީވެ، މިއަދު އަހަރެމެން ކަންތައް ބަލާ، ބަދިގޭގެ ހިންގުމާއި ހަވާލުވެ ހުރީ އަހަރެމެންގެ މެނޭޖާރ ޝާއިރާ މެޑަމް.. މެޑަމް ވަރަށް ބޮޑަށް ރުޅި ދުރުވެފަ ހުރީ..މިހާރު އެ ކަސްޓަމަރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ.. މެޑަމް އެބަ އެމީ ހޯދާ” އޭނާ ހާސްވެފައި ހުރެ ބުނެލިއެވެ. ޝާއިރާގެ ނަން ބުނުމާއި އެކުވެސް އަމީރާގެ ބޮލުގައި ރިއްސައިގަތެވެ. އެހާ އަވަހަށް އޭނާ މުޅިން މާޔޫސްކުރުވިއެވެ.
“ކޮންބައެއް ތިބީ؟” ގައިން އޭޕްރޯނު ވަކިކޮށްލުމަށްފަހު އަމީރާ އެހިއެވެ. އޭރު ދެލޮލުގައި ވަނީ ކަރުނައިގެ އަސަރެވެ.
“މަންހާއާއި ޝާއިރާ މެޑަމް.. އަދި އެގަޑިގަ އެމީގެ ކާއެއްޗިހި ވެއިޓަރާއި ހަމައަށް ގެންގޮސްދިން ކިޗެން އެސިސްޓެންޓް ސުޒީ އާއި އެގަޑީގަ ހުރި ވެއިޓަރ… ވިޝާމް ސާރ އާއި ހައިކަލް ސާރ ވެސް މިއަދު މިކޮޅުގަ ނެތް… ވީ އެންމެ އަވަހަކަށް އޮފީހަށް ދާން ބުނީ އެމީ ގާތު” ވެއިޓަރު ބުނެލިއެވެ. އަމީރާ ހިންދިރުވާލަމުން އޭނާގެ ފަހަތުން ބޭރަށް ނުކުމަތެވެ.
އަމީރާ ދިޔައިރު ، ސުޒީއާއި ވެއިޓަރު އުޅެއެވެ. އޮފީހުގެ ޑިސިޕްލިނަރީ ކޮމެޓީގެ މަގާމުތައް ފުރާ ތިން މީހެއްގެ އިތުރުން މަންހާ އަދި ޝާއިރާ މަޑުކޮށްލައިގެން ތިއްބެވެ. އަމީރާ އެތެރެއަށް އެތެރެއަށް ވަދެ ހުއްޓިލީ މަންހާގެ ކުރިމަތީގައެވެ. އެހިނދު އޭނާގެ މޫނަށް ވެރިކުރުވި މަކަރުވެރި ހިނިތުންވުން އަމީރާއަށް ސާފުކޮށް ފެނުނެވެ. ދެން ހުރީ ޝާއިރާއެވެ. އޭނާގެ ވިހަ ނަޒަރުން ވަކިން ބޮޑަށް އުނދަގޫ ވުމުން އަމީރާ އިސްޖަހައިލިއެވެ.
މުޅި މާހައުލަށް ވެރިވެފައިވަނީ ނުތަނަވަސް ހިމޭންކަމެކެވެ. އެ ހިމޭންކަން މުގުރާލީ ޑިސިޕްލިނަރީ ކޮމެޓީގެ އެއް މެންބަރުގެ އަޑުންނެވެ. އޭނާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ހިތްހަމަ ނުޖެހުމާއި ހަރުކަށިގޮތެކެވެ.
“އަމީރާ! އަމީރާގެ ސަބަބުން މިއަދު މި ރެސްޓޯރެންޓުގެ އިތުބާރު މިވަނީ ނުރައްކަލެއްގެ ތެރޭގައި… މިއީ ދުވަހަކުވެސް ‘ގޯލްޑެން ފޯކް’ އަދި ‘ކުރަސްޓް އެން ކޯ’ގެ އެއްވެސް އައުޓްލެޓެއްގެ ފުށުން ފެނުން ކަމެއް ނޫން.. ވަރަށް ހަޑި ވަރަށް ދަށު ދަރަޖައިގެ އަމަލެއް މިއީ.. މިކޮޅުން ގެންދެވުނު ކަސްޓަމަރުގެ ހާލަތު ގޯސްވެ އެމީހުން މައްސަލަ ހުށައަޅައިފިނި މީތި ވަރަށް ބޮޑުވާނެ..” އޭނާ ބުނެލިއެވެ. އަމީރާއަކަށް ޖަވާބެއް ނުދެވުނެވެ. އެހެން ހުއްޓާ އޭނާގެ ކުރިމައްޗަށް ހުއްޓުނީ ޝާއިރާއެވެ.
“ވީ.އައި.ޕީ ކަސްޓަމަރަށް، ކަލޭ ތައްޔާރުކުރި ސޫޕް ބޮއެގެން ފުޑް ޕޮއިސަން މިވީ ކީއްވެގެން؟ ކެއްކުމުގެ ތެރޭގައި އެއްވެސް ފަރުވާކުޑަކަމެއް ހިނގީތަ؟ ނޫނީ ބޭނުންކުރި އެއްޗެއް މުއްދަތު ހަމަވެފައި ހުރީތަ؟” އޭނާ ސުވާލުތައް އަމީރާއަށް އަމާޒުކުރިއެވެ. އަމީރާ އިސްއުފުލާލަމުން ދޫކޮށްލީ ފުންނޭވާއެކެވެ. އޭނާ ހަނު ހުރެއްޖެނަމަ އެއީ އޭނާ ކުރިކަމެއްގެ ގޮތުގައި އެމީހުން ދެކޭނެއެވެ. ޝާއިޜާއާއި މަންޙާ، ރަނގަޅުގޮތަކަށް އޭނާ ދޫނުކޮށްލާނެ ކަން އެނގިހުރެވެސް އަމީރާ ބެލީ ސާބިތުކަމާއިއެކު ޖަވާބު ދެވޭތޯއެވެ.
“އަޅުގަނޑު ދުވަހަކުވެސް މަސައްކަތުގައި ފަރުވާކުޑައެއް ނުކުރަން. ކޮންމެ އެއްޗެއް ތައްޔާރުކުރަނީ ތާޒާ ސާމާނު ބޭނުންކޮށްގެން، އަދި ކޮންމެ ކެއްކުމެއްގެ މަސައްކަތް ފެށުމުގެ ކުރީން، އެ ކެއްކުމަކަށް ބޭނުންވާ ކޮންމެ އިންގުރިޑިއެންޓެއް ވަކިވަކީން ޑަބަލް ޗެކްކުރަން.. އެހެންވީމަ، އަޅުގަނޑަށް ޔަގީންކަމާއެކު ބުނަން އެނގޭ، އަޅުގަނޑު ހެދި ސޫޕަކުން އެފަދަ ކަމެއް ނުވާނެކަން” ޖަވާބުގައި އަމީރާ ބުނެލިއެވެ.
“އެހެންވީމާ ކަލޭ ބުނަން ތިއުޅެނީ ކަސްޓަމަރު ދޮގުހަދަނީއޭތަ؟” ޝާއިރާ ވިހަގަދަ ރާގަކަށް ބުނެލިއެވެ.
“އަޅުގަނޑުގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން އަޅުގަނޑަށް އެނގޭ ގޮތަކީ ކެމެރާތައް ބެލުން. ބަދިގެ ތެރޭގައާއި ސާރވް ކުރި ސަރަހައްދުގައިވެސް ކެމެރާ ހުންނާނެ. އެ ކެމެރާތަކުގެ ފޫޓޭޖް ބަލައިފިނަމަ، ހަގީގަތް އެނގޭނެ” އަމީރާ ފުން ނޭވާއެއްލުމަށްފަހު އެންމެންނަށް ބަލާލިއެވެ.

އަމީރާގެ މި ޖުމްލައާއެކު، މަންހާގެ މޫނުމަތިން ކުއްލި ސިހުމެއް ފެނިގެންދިޔައެވެ. އޭނާގެ ރޭވުން ފަޅާއަރައިފާނެ ކަމުގެ ބިރުވެރިކަން ހިތަށް ވަނުމާއެކު، ރުޅިގަނޑު ކޮންޓްރޯލުން ނެއްޓުނީއެވެ. މަންހާ ފުންމައިގެން ތެދުވެ، ބާރު ހިނގުމެއްގައި އަމީރާގެ ގާތަށް ހުއްޓުނެވެ. އަދި ހަމަ އެސްފިޔަޖަހާލާ ހިނދުކޮޅެއްގެ ތެރޭގައި، އަމީރާގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހިއެވެ.

“ކަލޭތީ ކާކު މިތާ އަމުރުކުރަން؟” މަންހާގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. “ޔޫ ލޯ-ލައިފް ބިޗ*! މިތަނުގެ ކަންކަން ނިންމަން އަމުރުކުރުމުގެ އެއްވެސް ބާރެއް ކަލެއަކަށް ނޯންނާނެ! ކަލޭގެ ކުށް ފޮރުވަންވެގެން، ކެމެރާއޭ އަނެއް އެއްޗެކޭ ކިޔައިގެން އެހެން މީހުންގެ ބޮލުގައި އިލްޒާމް އަޅުވަން މަސައްކަތް ނުކުރާތި. ކަލޭ ތިއީ ހަމައެކަނި ކައްކާއެއް، މިތަނުގެ ވެރިއެއް ނޫން! މިތަނަށް ފާވެފަހުރި ބޮޑުމުސީބާތެއް ތިއީ!”
އަމީރާ އަތުން މޫނުގައި ފިރުމާލަމުން، އިސްޖަހާލިއެވެ. އޭނާގެ ހިތަށް ކުރި އަސަރާއި ލިބުނު އަނިޔާއަށްވުރެ ބޮޑަށް، ބޭއިންސާފުގެ ކުރިމަތީގައި ގޮތް ހުސްވެފައި ހުންނަން ޖެހުމުން ކުރެވުނު އިހުސާސް މާ ބޮޑެވެ. މަންހާގެ އަނިޔާވެރިކަމާއި ކޮމެޓީގެ ހިމޭންކަމުން އަމީރާއަށް ބުނެދެނީ، ހަގީގަތް އެނގުނަސް އިންސާފު ލިބުމަކީ ދުރުކަމެއް ކަމެވެ.
“މްމްމް އެންމެ ރަނގަޅު، އެކަމަކު އޭގެ ކުރިން ކަލޭ މަސައްކަތް ކުރި ހިސާބުން ހެއްކެއް ފެނޭތޯ ބަލަން ހިނގާ.. ހެއްކެއް ފެނިއްޖެނަމަ، ހަނދާން ނައްޓާލާ ކެމެރާގެތަކުގެ މަތިން… އެކަމަކު އެތަނުން އެއްވެސް ހެއްކެއް ނުފެނިއްޖެ ނަމަ ކަލެއަށް ދޭނަން ކެމެރާތައް ބެލުމުގެ ފުރިހަމަ އިޙުތިޔާރު” މާޔޫސްވެ ވެފައި ހުއްޓާ އަމީރާއަށް ސިހުން ލިބުނީ ޝާއިރާގެ އަޑުންނެވެ. އަވަސް އަވަހަށް ބޯޖަހައިލިއެވެ.
ޝާއިރާގެ ޖުމްލަތަކުން މަންހާއަށް ލިބުނީ ސިހުމެވެ. ރުޅިގަދަވި ވަރުން ޝާއިރާގެ މޫނަށް ބަލައިލަމުން ނިތްއަރުވާލިއެވެ. ޝާއިރާ ވިހަ ހިނިތުންވުމުގައި ހުރެ ހަމަޖެހިލުމަށް އިޝާރާތް ކޮށްލިއެވެ. އޭނާ ލޮލުގެ އިޝާރާތުން މަންހާއަށް ދައްކާލީ ސުޒީއެވެ. އޭރު އިސްޖެހިފައި ހުރި ސުޒީގެ މޫނުމަތީން ޖެހިލުންވުން ފެންނަމުން ދިޔައެވެ. މަންހާއަށް ޝާއިރާގެ އިޝާރާތް ނަގައިގަނެވުމުން ވަގުތުން ރުޅި ފިނިވެފައި ހުރެމެ ބޯޖަހައިލިއެވެ.
އަމީރާގެ ފަހަތުން އެހެން މީހުން ދިޔައީ ކައްކާބަޔަށެވެ. އެހެން މީހުން ގޮސް މަޑުކޮށްލީ އޭނާކެއްކުމަށް އެންމެ ފަހުން ބޭނުންކުރި ކައުންޓަރާއި ގާތުގައެވެ.
“ބަލަން ބޭނުން ވަރަކަށް ބަލަންވީ.. މިއީ އެންމެފަހުން އަޅުގަނޑު ކެއްކުމަށް ހުރި އޭރިއާ.. ކައުންޓާރ އިން ދުރަކަށް ނުދަން” އަމީރާ އިޝާރާތް ކޮށްލީ ކައުންޓަރަށެވެ.
އަމީރާގެ ޖުމްލައާއި އެކު އެންމެން އެކި ތަންތަން ބަލަން ފެށިއެވެ. ދިހަވަރަކަށް މިނެޓް ހޯދަމުން ގޮސް އުނދުނާއި ގާތުގައި ހުރި ކުޑަ ރެކް މަތިން މަންހާ ފުޅިއެއް ނަގައިފިއެވެ. ޒާތަކަށް ހެވިލާފައި އައިސް މަންހާ ހުއްޓިލީ އަމީރާގެ ކުރިމަތީގައެވެ.
“ކަލޭ ތިހާ މައުސޫމު މީހެއް ކަމަށް ހެދިގެން ހުރިއިރު، މިއީ ކޮން އެއްޗެއް؟” މަންހާގެ އަޑުގައިވަނީ ނަފުރަތާއި މަލާމާތެވެ. “ކަލޭގެ ކުށްވެރިކަން ސާބިތުކޮށްދޭން މިއަށްވުރެ ވަކި ބޮޑު ހެއްކެއް ބޭނުންވާނެތަ؟ ބިޗ*!” މަންޙާގެ އަތުގައި އޮތް ފުޅި އަމީރާގެ މޫނާއި ކައިރިކޮށްލަމުން ބުނެލިއެވެ. މަންހާ ނުވިސްނައި ހުއްޓާ އޭނާގެ އަތުން އެފުޅި ޖަހައިގަނެފައި އަމީރާ ބަލައިލިއެވެ. އެހިނދު އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
އަމީރާގެ އަތް ތުރުތުރުލާން ފެށީ ފުޅީގެ ލޭބަލްގައިވާ ‘ސޯޑިއަމް ނައިޓްރައިޓް’ މި ނަން ފެނުމުންނެވެ. ކެއްކުމުގެ ދާއިރާގައި ކިޔަވައިގެން ހުރި މޮޅުމީހަކަށް ނުވީ ނަމަވެސް، އެއީ ކޮންފަދަ ނުރައްކާތެރި އެއްޗެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މިއީ މަސް ރައްކާތެރިކުރުމަށްޓަކައި ނުހަނު ކުޑަ މިންވަރަކަށް ބޭނުންކުރާ އެއްޗެއް ނަމަވެސް، މި ފުޅީގައި އެހުރީ އޭގެ ނުހަނު ބާރުގަދަ ‘ކޮންސެންޓްރޭޓަޑް’ ފޯމެވެ.
އަމީރާގެ ސިކުނޑީގައި އެވަގުތު އެނބުރިގަތީ އެ ކެމިކަލުން އިންސާނާގެ ހަށިގަނޑަށް ކުރާނެ ނޭދެވޭ އަސަރުތަކެވެ. އެއީ ކުޑަ މިންވަރެއް ހަށިގަނޑަށް އެތެރެވިޔަސް، ލޭގައިވާ އޮކްސިޖަން ދަށްކޮށްލައި، މީހާ ނޭވާ ހާސްކޮށްލާނެ އެއްޗެކެވެ. ހަމައެކަނި ބޯއެނބުރުމަކުން ނުނިމޭނެއެވެ. އެކަށީގެންވާ ފަރުވާ އަވަސް މުސްތަގުބަލެއްގައި ނުލިބިއްޖެނަމަ، ގުނަވަންތައް ފެއިލްވެ، ފުރާނަ ދިއުމަކީވެސް ދުރުކަމެއް ނޫނެވެ.
އަމީރާގެ ދެލޮލަށް ކަރުނަ ގިނަވެ، މުޅި މީހާ އައްސިވި ފަދައެވެ. އޭނާގެ އަތުގައި އޮތް ވިހަ ކެމިކަލް ހުރި ފުޅިންނާއި، އެންމެންގެ ތުހުމަތުގެ ނަޒަރުތަކުން ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. އެއީ ކާކު ކުރި ކަމެއްކަމެއް، ނުވަތަ އެ ފުޅި އެތަނަށް އައީ ކިހިނެއްކަމެއް ވިސްނައިގަނެވޭ ވަރަށްވުރެ ނަފްސާނީ ހާލަތު ވަނީ ދަށްވެފައެވެ.
ތަނަށް ވެރިވެ އޮތް ހަމަހިމޭންކަން މުގުރާލީ މަންހާގެ ފޯނަށް އައި ކޯލަކުންނެވެ. މަންހާ ފޯނު ނަގައި ކަންފަތުގައި ޖައްސާލުމަށްފަހު، ކުޑަވަގުތުކޮޅަކު އަޑުއަހަން ހުއްޓެވެ. ބަހެއް ނުބުނެ ހުއްޓަސް އެމޫނަށް އަރާފައިބަމުން ދިޔައީ ނުރުހުމުގެ ކުލަވަރެވެ. އެހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި މުޅިމޫނު ރަތްކޮށްލިއެވެ. ހޮސްޕިޓަލުން ގުޅާފައި އެދިނީ އަމީރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނު ޚަބަރެކެވެ. ސޫޕް ބުއި ކަސްޓަމަރު ހޮސްޕިޓަލަށް ގެންދެވުނުލެއް އަވަސްކަމުން، ފުރާނައަށް ނުރައްކާވާ ހާލަތުން ސަލާމަތްވެ، މިހާރު ރަނގަޅުވަމުން އަންނަ ވާހަކައެވެ. މަންހާ ފޯނު ބޭއްވުމަށްފަހު، ނަފުރަތުން ފުރިގެންވާ ނަޒަރަކުން އަމީރާއަށް ބަލާލިއެވެ.
“ކަލޭގެ ނަސީބު ރަނގަޅުކަމުން އެ މީހާ ސަލާމަތްވީ. އެހެން ނޫންނަމަ މިއަދު އޮންނާނީ ޖަލުގެ ގޮޅިއެއްގެ ފަހަތުގަ” މަންހާގެ އަޑުގައިވަނީ ހަރުކަށިކަމެވެ. “ހަނދާންކުރާތި! ކަސްޓަމަރުންގެ ފުރާނައަށް ނުރައްކާކުރާ ކުށްވެރިއަކަށް މި ރެސްޓޯރެންޓަކުން ދެން ފުރުސަތެއް ނުދޭނަން. ހަމަ މިހާރު މިތަނުން ނުކުމެގެންދާން އުޅޭ! ތިހިރީ ވަޒީފާއިން ވަކިކޮށްފަ!”ޝަހާދަތް އިނގިލިން މަންހާ ދައްކާލީ ނުކުންނަ ދޮރެވެ.
މަންހާގެ އަމުރަށް އަމީރާ މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އޭނާގެ މައުސޫމުކަން ސާބިތުކޮށްދޭނެ އެއްވެސް ފުރުސަތެއް ނެތްކަން ވިސްނުނެވެ. ދަބަސް ހިފައިގެން ބޭރަށް ނުކުންނަން ހިނގައިގަތް ވަގުތު، އަމީރާއަށް ފަހަތަށް ބަލާލެވުނެވެ. އެވަގުތު އޭނާއަށް ފެނުނު މަންޒަރުން ފިޔަވަޅުތަކަށް ހުއްޓުން އަރައިގެން ދިޔައެވެ.
މަންހާއާއި ޝާއިރާ އެކަކު އަނެކަކަށް ބަލާލުމަށްފަހު، މަކަރާއި ހީލަތުން ފުރިގެންވި ހިނިތުންވުމެއް ބަދަލުކޮށްލީއެވެ. އެ ހިނިތުންވުމުގައި ވަނީ ކާމިޔާބީގެ ފޮނިކަމެވެ. އެކަކު އަނެކަކަށް ދިން އެ ސިއްރު އިޝާރާތުން، އަމީރާގެ ސިކުނޑީގައި ހުރި ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދިޔައެވެ. މިއީ އެއްވެސް އިއްތިފާގެއް ނޫނެވެ. މިއީ އޭނާ ދަންތުރައެއްގައި ޖައްސައި، ބަދުނާމުކޮށްލުމަށްޓަކައި އެ ދެމީހުން ގުޅިގެން ރޭވި ވަރުގަދަ ރޭވުމެކެވެ. އެކަން އެނގުނު އިރު، އަމީރާ ވަނީ އެ މީހުން ބޭނުންވި މަޅީގައި މުޅިން ބެދި، އޭނާގެ ވަޒީފާއާއި އަބުރު ގެއްލިފައެވެ. ހަމަ ގައިމުވެސް އެފުޅި އެތަނަށް ދިޔަގޮތެއް އޭނާއަކަށް ނޭނގެއެވެ. އަދި އޭނާ ތައްޔާރުކުރި ކާއެއްޗިސްސަށް އެއިން ވިހަ ދިޔަގޮތެއް ވެސް ނޭނގެއެވެ. މަންހާ ކިތަންމެ ނުބައި ނަމަވެސް މީހެއްގެ ފުރާނައާއި ކުޅެލައިގެން އޭނާ މަޅިއެއްގައި ޖައްސަފާނެކަމަކަށް އަމީރާ ހިތަކަށް ނާރައެވެ. އިތުރަށް ގަދަ ހަދައި ބަސްކިޔަން ބޭނުން ނުވީ ވެސް އެހެންވެއެވެ. ގަދަބާރުން މަޑުކުރަނިކޮން މީހެއްގެ ފުރާނަ ދުއްވާވެސް ލާފާނެއެވެ. ޗޭންޖިންގް ރޫމަށް ވަދެ ހެދުން ބަދަލުކޮށް، ދަބަސް ހިފައިގެން އަމީޜާ އިމާރާތުން ނުކުތެވެ.
ދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް ދެއަތުން ފުހެލާނެ ހިތްވަރު ވެސް ނެތެވެ. ހިތައް އެންމެ އުނދަގޫވީ އެ ވަޒީފާއަށް އޭނާ ގެނައުމަށް އުޅުނު އެންމެން ލަދުގަންނަވާލެވިއްޖެ ކަމުގެ އިޙްސާސް ކުރެވުމުންނެވެ. ނަދީމް އާއި މަޖުދާ މެދުވެރިވެގެން އެތަނުން އެވަރުގެ ވަޒީފާއެއް ލިބުނުއިރު، މިއަދު އެމީހުންނާއ ހަތަރު ކަޅި ހަމަކުރާނެ ގޮތެއް ނޭނގުނެވެ. އަނެއްކާ އާމިލާއާއި ހައިކަލްއެވެ. އެމީހުންނަށް ދައްކާނީ ކޮންމޫނެއް ހެއްޔެވެ. ހާސްވެފައިވާ ސިކުނޑިއަށް އަމީރާ ބޭނުންވީ ހުސްކަމެއް ދޭށެވެ.
***
ލައިބާއަށް އޮފީހަށް ދެވުނީ ހުރިޙާ ކަމެއްވެ ނިމުނު ފަހުންނެވެ. ލިބުނު ބުރޭކުގެ ވަގުތުގައި މިއަދު ގެއަށް ދިއުމުން އޭނާއަށް އާދެވުނީ ވެސް އަންނަން ޖެހޭ ގަޑީގެ އިރުކޮޅެއް ފަހުންނެވެ. އަމީރާގެ ފޯނަށް ގުޅަމުން ލައިބާ އެތެރެއަށް ވަނެވެ. އަމީރާ ފޯނު ނުނަގާތީ އޭނާ ހީކޮށްގެން ހުރީ މަސައްކަތުގައި ބުރަކޮން އުޅެނީ ކަމުގައެވެ.
ބަދިގެއަށް ވަތްއިރު އަމީރާއެއް ނެތެވެ. އެތެރޭގައި ތިބި ދެ އަންހެންކުދީން މަޑުމަޑުން ވާހަކަތަކެއް ދައްކަމުން ދިޔައިރުއެމީހުންގެ މޫނުތަކުން ފެނިގެންދާ މޮޅިވެރިކަން ލައިބާއަށް ސިއްރެއް ނުވިއެވެ.
“ގާއީޒް، ކޮބާ އެމީ؟” ފެންފުޅިއެއް ތުމުގައި ޖަހައިގެން ލައިބާ އައިސް މަޑުކޮށްލީ އެމީހުންގެ ގާތުގައެވެ.
“ލައި އަކަށް ނޭނގޭތަ؟ ބޮޑު ކަމެއް ވެގެންނޭ މިއުޅެނީ” އެތަނުން އެއްކުއްޖަކު ދެރަވެލާފައި ބުންޏެވެ. އެމީހުންނަށް އިތުރު ޥާހަކައެއް ނުދެއްކެނީސް ދުވެލާފައި އެތެރެއަށް ވަނީ ޔުޒީނާއާއި ފާރިހްއެވެ. ދެމީހުންގެ މޫނުމަތީގައި ވަނީ ހާސްކަމެވެ.
“އަޅެ އަހަރެން ހާދަ ވަރަކަށް އެމީއަށް ގުޅައިފީމޭ، ކިހިނެތްތަ ހަދާނީ؟” ޔުޒީނާއަށް ރޮވުނެވެ.
“އަހަރެން އަންނާނަން ސައިކަލްގަ މިތާ ކައިރި ބަލާލާފަ” ފާރިހް އެއްޗެއް ނުބުނެ ނުކުމެއްޖެއެވެ. ވާނުވާ ނޭގިގެން ލައިބާއަށް އަހާލެވުނެވެ. ޔުޒީނާއަށް ރޮވިފައި ހުރެ ދެންމެ ހިނގާދިޔަ ހާދިސާގެ ވާހަކަ ލައިބާއަށް ކިޔައިދިނެވެ. އެހިނދު އޭނާގެ މޫނުން ފެނުނީ ރުޅިވެރިކަމުގެ އިންތިހާއެވެ. މޫނުން ރަތްވެ މުޅި ކުއްޖާ ތުރުތުރު އަޅައިގަތެވެ.
“އެނގޭތަ، އެ ސުޒީއަކީ ފިލިޕީންސް އަންހެންކުއްޖެ.. ނިކަން މަންހާ ވެގެން އުޅޭނީ، އެހެން ހުރިހާ ކިޗެން އެސިސްޓެންޓުނާ މީނަ ހުންނާނީ ޖައްސާލާފަ.. އެއީ މަންހާ ހުންނަނީ ފާޑަކަށް އެހެންމީހުން ކޮންޓުރޯލު ކުރުމުގެ ބާރު އޭނާއަށް ދީފަ.. އެކަމާއި ހުރެ ފުއްޕާލައިގެން އުޅޭނީ… އެކަމަކު މިއަދު މީނަ ވަރަށް މަޑުން ހުރީ.. މި ހިތައް އަރަނީ މީނަގެ ކަމެއް ބާއޭ.. އަހަރެމެން އެންމެނަށް ވެސް އެނގޭ ދޯ އެއީ އެމީ ކުރާނެ ކަމެއްނޫންކަން..އެންމެންގެ ތެރެއިން އެންމެ ކުޑަ އެކަމަކު އެންމެންގެ ތެރެއިންވެސް އެންމެ ޒިންމާ ނަގާ އެންމެ ހަރުދަނާ ކުއްޖާ އެއީ.. ” ކުރީން ޥާހަކަ ދެއްކި ކުއްޖާ ބުނެލިއެވެ. ޔުޒީނާއާއި ދެން ހުރި އަންހެން ކުއްޖާ ބޯޖަހައިލިއެވެ.
އޭރު ލައިބާ ރުޅިގަދަވެފައި ހުރެ އެތަނުން ނުކުންނަނީއެވެ. އޭނާގެ މިސްރާބު ހުރީ މަންހާގެ ކެބިންއަށެވެ. ގައިގާ ހުރި ބާރެއްލާފައި ލައިބާ އެތެރެއަށް ވަނެވެ. ފަހަތުން ޔުޒީނާ ވެސް އައިސް ހުރިއިރު ލައިބާ ހުއްޓުވާކަށް ނޫޅެނެވެ. ދޮރުން އެތެރެ ވެވުނު އިރު ކެބިންގައި އިނީ މަންހާ އެކަންޏެވެ. ކުޑަ ލޯގަނޑެއްގައި އަތުން ހިފަހައްޓާލައިގެން އިނދެ ތުންފަތުގައި ލިފްސްޓިކެއް ހާކާލަ ހާކާލަ އޭނާ އިނެވެ.
“ކަލޭ؟ ” ލައިބާގެ ރުޅިވެރި މޫނު ފެނުމުން މަންހާ ޖަހައިލީ ހިނިގަނޑެކެވެ.
ލައިބާ ބަހެއް ނުބުންޏެވެ. އޭނާ ދިޔަ ބާރުމިނުގައި ގޮސް މަންހާގެ މޫނުމައްޗަށް އަރުވާލީ އަތުގެ ހަމަލާއެކެވެ.
“އާހްހްހް” ލިބިގެންދިޔަ ކުއްލި ސިހުމާއި ވެގެން ދިޔަ ތަދުން މަންހާ އަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ލައިބާ، އޭނާއަށް ފުރުސަތެއް ނުދިނެވެ. މަންހާ ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ ބާރަށް ދަމައިގަންނަމުން، އަމިއްލަ ދިފާއުގައި ކަމެއް ކުރެވުމުގެ ކުރިން މަންހާގެ މޫނަށާއި ކަންފަތްމައްޗަށް ގޮށްމުށުގެ ހަމަލާތައް އޮއްސާލިއެވެ. މަންހާ ރޮމުން ހަޅޭއްލަވަމުން ދިޔައިރު، އޭނާގެ ނޭފަތާއި އަނގަމަތިން ތާޒާ ލޭގަނޑު އޮހޮރިގަތެވެ. ކަންތައްތައް މާ ގޯސްވުމުގެ ކުރިން ޔުޒީނާ އެ ދެމެދަށް ވަދެ، ނުހަނު އުނދަގުލުން ލައިބާ ދުރުކުރިއެވެ.
“ބިޗ*، ލަދުކުޑަ!” ލައިބާގެ ހަމަލާތަކުން ބޮލަށް އެރި އެނބުރުންގަނޑު ކުޑަކޮށް ފިލައިދިއުމާއެކު، މަންހާ ރުޅިވެރިކަމާއެކު ހަޅޭއްލަވަމުން ލައިބާއާ ދިމާއަށް ދިޔައެވެ. ނަމަވެސް ލައިބާ މާ ހުށިޔާރެވެ. މަންހާ އޭނާއާ އަރާ ހަމަވުމުގެ ކުރިން، ބަނޑުގައި ކޮޅުފައިން ޖަހައި ބިންމައްޗަށް ވައްޓާލިއެވެ. އަދި ވިދުވަރެއްހާ ހަލުވިކޮށް ގޮސް މަންހާގެ ބަނޑުމައްޗަށް ފައިން އެރިއެވެ.
“ކަލޭ ހީނުކުރާތި އެމީގެ ބޮލުގައި އެފަދަ ނުބައި ތުހުމަތެއް އަޅުވާފައި ސަލާމަތްވެވޭނެ ކަމަށް! މިފަހަރު އެންމެ ތަންކޮޅެއްވެސް ދޫ ނުދޭނަން” ލައިބާ ދަތްކުނޑި ވިކައިގަންނަމުން ހަޅޭއްލަވައިގަތެވެ. މަންހާ އޭނާގެ އަނގަމަތިން ފައިބަމުންދިޔަ ލޭތައް އަތުގެ ނުފުށުން ފުހެލަމުން، އެ ހާލުގައިވެސް މަކަރުވެރި ހިނިގަނޑެއް ޖަހާލިއެވެ.
“ކަލެއަށް ކީއްކުރެވޭނީ، އަމީރާގެ މިނިއަން!ހަހަހަ، ކަލެއަކަށް ނުކުރެވޭނެ އެއްކަމެއް ވެސް.. އޭގެ ކުރިން މިތަނުން ދުރަށް ދާންޖެހޭނީ ކަލޭ.. އަހަންނަށް އިންޒާރުދިނުން ވެސް އެއީ ހެދުނު އެންމެ ބޮޑު ގޯސް” މަންހާ ފޮނިކަނޑާލިއެވެ.
“އަހަންނަށް ކުރެވޭނެ ބައިވަރު ކަންތައް އެބަހުރި. ކެމެރާގެ މަންޒަރުތައްވެސް އެހެރީ ފެންނަން. ކަލޭ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް، އަހަންނަށް މިހާރުވެސް އެ ހޯދޭނެ. ބުނަންތަ ވާހަކައެއް؟ ތިއީ އާމިލާ މެޑަމްގެ އާއިލާ ކަމަށްވިޔަސް، ކަލެއަށް ނުކުރާ އިތުބާރު ހައިކަލް ސާރ މިތާ ތިބި އެހެން އެންމެންނަށް ކުރާނެ. ހަހް!” މަންހާގެ ބަނޑުމަތިން ފައި ނަގަމުން ލައިބާ އެއްމިޔަކަނުން ހީލިއެވެ. މަންހާގެ މޫނުމަތިން ނުތަނަވަސްކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. އޭނާ ތެދުވާކަށްވެސް މަސައްކަތެއް ނުކުރެއެވެ.
“ކެމެރާގެ މަންޒަރޭ؟ އަޅެ ދޭބަލަ ނިކަން އެ ބަލަން! ހަހަހަ… ތިއީ ކަލެއަށް ހީވާ ގޮތް. އާމިލާ ގާތު މަށަށް ޖެހޭނީ އެންމެ ފަހަރަކު ރޮއެލަން. މަ ބުނެފިއްޔާ އޭނާ އަމިއްލައަށް މަރުވެސް ވެދާނެ. ބުނަން ވާހަކައެއް ލައިބާ! ސަލާމަތުން ހުންނަން ބޭނުންވަންޏާ އަމީރާއާ ދުރުގައި ހުރޭ. އޭނާއާ ކައިރިވާ ކޮންމެ މީހަކަށްވެސް ޖެހޭނީ ހަމަ އޭނާގެ ހާލު. މަ ދުނިޔޭގައި ހުއްޓާ ލާހިކެއް ނޫން އަމީރާ ހަމަޖެހިގެން އެންމެ ނޭވާއެއްވެސް ލާކަށް” ތެދުވަމުން މަންހާ ބުނެލީ ބިރުވެރި އިންޒާރަކާއެކުގައެވެ.
“މަށަށް އެނގެޔޭ ވެގެން ތިއުޅޭ ގޮތް. މިއީ އެމީގެ ފެމެލީކަން އެނގުނީމަ، އެކަން ހަޖަމުނުވެގެންނު ތިއުޅެނީ؟ މިއީ ދޮގެއްތަ؟” ލައިބާ ވާހަކަދެއްކީ ޔުޒީނާއަށް ނީވޭހާ މަޑުން، ހަމައެކަނި މަންހާއަށް އިވޭވަރަށެވެ. ލައިބާ ހުރީ މަލާމާތުގެ ހިނިތުންވުމެއްގައެވެ. އޭނާ މަންހާއާ ގާތަށް ޖެހިލާފައި، މަންހާގެ ނިތްކުރީގައި ޝަހާދަތް އިނގިލިން ޖައްސައި ފަހަތަށް ކޮއްޕާލިއެވެ. އެއާއެކު މަންހާ ފަހަތަށް ސޮއްސައިގެން ދިޔައެވެ. ލައިބާގެ އެ ޖުމްލައިން މަންހާގެ މޫނުމަތީގައި ހުރި މަކަރުވެރި ކުލަވަރު ފަނޑުވެ، ކުއްލި ސިހުމަކާއެކު އޭނާ ގަނޑުވި ކަހަލައެވެ.
އިތުރު އެއްޗެއް ނުބުނެ ލައިބާ އެތަނުން ނުކުމެގެން ހިނގައިގަތެވެ. ޔުޒީނާވެސް އޭނާގެ ފަހަތުން އައެވެ. “ލައި، ކީކޭ ބުނެގެންތަ އޭނާ އެހާ ބިރުން އެހުރީ؟” ޔުޒީނާ ހައިރާންވެފައި އަހާލިއެވެ. ލައިބާ ހަމައެކަނި ހީލަމުން ދެފަރާތަށް ބޯ ހޫރުވާލީއެވެ. ވަކި ޖަވާބެއް ނުދީ، އޭނާ އަވަސްވެގަތީ ސައިމަންއަށް ގުޅުމަށެވެ.
****
ސަދަފް އަދި ވިޝާމްގެ އިތުރުން ނާޔާއާއި ޔުމާން މަޑުކޮށްލައިގެން ތިބީ، އިޔާންގެ އެޕާޓްމަންޓުގައެވެ. އެމީހުން ސޯފާތަކުގައި ތިބިއިރު މޫނުތަކުން ފެނިގެންދަނީ ރުޅިވެރިކަމުގެ އެންމެ ފުންމާނައެވެ. އިޔާންގެ ވާހަކަ ނިންމާލުމަށްފަހު ޔުމާންއާއި ވިޝާމްގެ އާއި ދެމީހުންގެ މޫނަށް ވަކިވަކީން ބަލައިލިއެވެ. އޭނާ ކިޔައިދިނީ ސޯދިގްގެ ފަރާތުން އިވުނު ވާހަކަތަކެވެ. ފޮރުވުމެއްނެތި އެހުރިޙާ ވާހަކަތަކެއް ވެސް ކިޔައިދިނެވެ. އިޔާން ދެން ދެއްކީ ސޯދިގް ދެއްކި ކާރުގެ ފޮޓޯއާއި ލޯންޗަށް އަމީރާ ލީ ވަގުތު އޭނާ ނަގާފައިވާ ފޮޓޯއެވެ.
އެ ފޮޓޯ ފެނުމާއެކު ޔުމާންއާއި ވިޝާމްގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ޔުމާން ކޮޅަށް ތެދުވިއިރު، އޭނާގެ ދެލޮލުން ފެންނަނީ އަލިފާން ކަނި ބުރާ ފަދަ ގަދަ ރުޅިވެރިކަމެކެވެ. އެވަގުތު އޭނާ ބޭނުންވީ ވަގުތުން ގޮސް އާޝިއުއާއި ޝާއިރާގެ ކަރުގައި ހިފާ މަރާލާށެވެ. ނަމަވެސް، ނާޔާ އޭނާގެ އަތުގައި ހިފާ އަލުން ސޯފާގައި ބޭންދުމުން އޭނާއަށް މަޑުޖެހެން މަޖުބޫރުވިއެވެ. ވިޝާމްވެސް ކެތްތެރިކަން ކުޑަވެގެން އެތަނުން ނުކުންނަން އުޅުނެވެ. އެހެނަސް ސަދަފް އޭނާގެ ކޮނޑުގައި އަތް އަޅުވާލައި، ހަމަޖެހުމަށް އެދުމުން ވިޝާމްވެސް އިށީނެވެ.
“އެމީގެ ގަޔަށް ޖެހީ ކޮން ނަމެއް ކިޔާ އިންޖެކްޝަނެއް؟” ނާޔާ އަހާލިއެވެ.
”ކެޓެމީން” އިޔާން ޖަވާބު ދިނެވެ. އެހިނދު ނާޔާގެ ދެލޯ ބޯޑުވިއެވެ.
“އޭގެ އަސަރު ހަށިގަނޑަށް ކުރީމަ އަސްލު ވަނީ ކިހިނެތް؟” ސުވާލު ކުރީ ސަދަފްއެވެ.
“ކެޓެމީން އެއީ އާންމުކޮށް އޮޕަރޭޝަން ކުރާއިރު މީހާ ހޭނައްތަން ނުވަތަ ޖަނަވާރުންނަށް ބޭނުންކުރާ ވަރަށް ވަރުގަދަ ‘އެނެސްތެޓިކް’ އެއް” ނާޔާ ދިން ޖަވާބުން އެންމެންނަށް ހުއްޓުން އެރިއެވެ.
” މީގެ އަސަރު ހަށިގަނޑަށް ކުރުމުން، އިންސާނާގެ ސިކުނޑިއާއި ހަށިގަނޑާ އޮންނަ ގުޅުން މުޅިން ކަނޑާލާ. މީހާ ‘ޑިސޯސިއޭޓިވް’ ހާލަތަކަށް ގެންދޭ. އޭގެ މާނައަކީ، މީހާއަށް ވަށައިގެންވާ މާހައުލު ފެނުނަސް، އޭނާއަށް އެއީ ކޮންތަނެއްކަން، ނުވަތަ އަމިއްލަ ހަށިގަނޑަކީ ކޮބައިކަން އެއްވެސް ވަރަކަށް އިހުސާސެއް ނުކުރެވޭނެ. ހީވާނީ ހުވަފެނީ ދުނިޔެއެއްގައި އުޅެވޭހެން. އެވަގުތު މީހާގެ ހަށިގަނޑު މުޅިން އައްސިވެ، ހަރަކާތް ހުސްވެފައި އޮންނާނީ. އެހެންވެ އެމީހުންނަށް އެމީ ބޭނުން ގޮތަކަށް ގެންދަން ފަސޭހަވީ.. އެމީ މަގުމައްޗަށް ދޫކޮށްލި ވަގުތު އޭގެ އަސަރު ކުރާތީ ނޭނގޭނެ މިވަމުންދަނީ ކިހިނެތްކަމެއް.. މީގެ ޑޯޒް ކުޑަކޮށްވެސް އިތުރުވެއްޖެނަމަ، ނޭވާލާ ނިޒާމު ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް. މީހާގެ ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރު އާދަޔާ ހިލާފަށް މަތިވާނެ. އަދި ހޭ އެރިޔަސް، ގިނަ ވަގުތުތަކެއް ވަންދެން މީހާ ހުންނާނީ ބޮލަށް އެނބުރުން އަރާ، ހޮޑުލެވި، ވާނުވާ ނޭނގޭ ހާލަތެއްގަ.. ދެން ވިސްނާލާ އެފަދަ ހާލަތެއްގަ ވަނިކޮން އެކްސިޑެންޓްކޮށްލީމަ ވާނެގޮތް.. މިރެކަލް އެއް އެއީ އެކުއްޖާ މިއަދު ފެންނަން އެހުރިކަން ވެސް.. ” ނާޔާގެ ވާހަކަ ނިންމޅިއިރު ހުރީ ރޮވިފައެވެ. އަމީރާ އެ ހޭދަކޮށްލި ބިރުވެރި ވަގުތުކޮޅު ސިފަކޮށްލަން ވެސް ދައްޗެވެ. އޭނާގެ ފުރާނައިން ޝާއިރާދެކެ ރުޅި އާދެވުނެވެ. ނާޔާއަށް ޔުމާންގެ އަތްތިލައަށް ބާރުކޮށްލެވުނެވެ.
“ކޮން ކަމެއްގެ ބަދަލެއްބާ ޝާއިރާ މިހިފަނީ، މަންމަގެ ފަރާތުން؟” ވިޝާމްއަށް މަޑުމަޑުން ބުނެލެވުނެވެ.
“ތިއެއް ނޭނގެނީ ސޯދިގަށް ވެސް.. ސޯދިގް ބުނާގޮތުން އާޝިއުގެ އަތުގަ އޮންނާނެ އެދުވަހު ޝާއިރާ ކާރުގެ ތެރޭގައި ދެއްކި ޥާހަކައިގެ ރިކޯޑިންގް އެއް.. އެންމެ ފަހު ވަގުތު އޭނާ ވެސް މަޅިއެއްގަ ޖައްސާލަ ފާނެތީވެ އާޝިއުވެސް އަމިއްލަ ސަލާމަތް ހޯދި ކަމަށްވަނީ” އިޔާން ބުނެލިއެވެ.
“އަސްލު އިރޫއަށް ވެގެން ދިޔަގޮތުން މިވާހަކަ ނުދެއްކި ލަސްވީ.. ދޮންތަ ބަލާދީބަލަ އޭރު ހޮސްޕިޓަލުގަ އެމީ އެޑްމިޓް ކުރި ހިސާބުން، އެމީގެ ހުރިހާ މެޑިކަލް ރިޕޯޓްސް ފެނޭތޯ.. އަދި ސްޕެއިންއަށް އެމީ ގެންދަން ވެގެން ޑިސްޗާރޖް ކުރި ރިޕޯޓްސް.. އެވްރި ސިންގަލް ޑޮކިއުމަންޓް އައި ނީޑް.. ކެން ޔޫ ޑޫ ދިސް؟” އިޔާން އިތުރަށް ބުނެލިއެވެ.
“ހަމަ ޔަގީންދޯ އެ ހޮސްޕިޓަލްކަން؟” ނާޔާ އަހާލުމުން އިޔާން ބޯޖަހައިލީ ޔަގީން ކޮށްދެމުންއެވެ. ނާޔާ އެއްބަސްވެ ބޯޖަހައިލިއެވެ.
“މަހާއްކޮ އައީމަ ޒައީމްބޭބެ ކައިރިއަށް ދާން ކިހިނެތް ވާނެ؟” އެހިޔާލް ހުށައެޅީ ވިޝާމްއެވެ. ނަމަވެސް ޔުމާންއަށް އެހިޔާލް އެހާ ކަމަކު ނުދިޔައެވެ.
“ޒައީމްބޭބެ ގެންގުޅުނު ވީޑިއޯ ވެސް ސޯދިގް ހަރާބު ކޮށްލި ވާހަކަ އެބުނީ.. އޭނާގެ ބަލި ހާލަތު އެހާ ރަނގަޅެއްނޫން.. ބައްޕަ ވަރަށް ފަހުން ވެސް ދިޔަ .. ގޮސް އައިސް ބުނީ ނުދެވުނު ނަމަ މާ ރަނގަޅުވީހޯ.. ބައްޕަ ފެނުނީމަ ޒައީމްބޭބެގެ ހާލު މާ ގޯސްވަނީއޯ ކޮންމެ ފަހަރަކު ވެސް.. ރޯންވެސް ރޮވޭ” ޔުމާން ބުނެލިއެވެ.
އެންމެން ވާހަކަ ދައްކަން މަޑުކޮށްލައިގެން ތިއްބާ އިޔާންއަށް ސައިމަންގެ ކޯލެއް އައެވެ. އެކޮޅުން ތުރުތުރު އަޅަމުން ދިޔަ އަޑަކުން ސައިމަން ބުނެލި ޥާހަކައިން އިޔާންގެ މޫނުމަތީގެ ކުލަވަރު ސިކުންތުކޮޅެއްގެ ތެރޭގައި ބަދަލުވިއެވެ. ސައިމަން އިތުރަށް ދެއްކި ވާހަކައެއް ވެސް އިޔާންއަކަށް ނީވުނެވެ. މީހާ ހުއްޓުން އަރައިގެން ދިޔައިރު އިޔާންގެ އަތުން ފޯނު ދޫވެއްޖެއެވެ. އޭނާއަށް މަންޒަރުތައް ވެސް ފެނުނީ ފުސްކަމެއްގެ ތެރެއިންނެވެ.
“ހިނގާ ހޮސްޕިޓަލަށް” އިޔާން ދިނީ އެޖަވާބެވެ. ދުވެލާފައި ނުކުމެގެން ދިޔައިރު އޭނާގެ ދެލޮލުން ހުރީ ފެން އައިހެވެ. ވީ ގޮތެއް ނޭނގި އެހެންމީހުން ވެސް އޭނާގެ ފަހަތުން ނުކުތެވެ.
އިޔާން ނުކުތްއިރު މަޖުދާއާއި ނަދީމް ވެސް ނުކުންނަނީއެވެ. މަޖުދާ ރޮމުން ދިޔައިރު ނަދީމްގެ މޫނުން ހުދުކަން ނުކެނޑެއެވެ.
“ދަރިފުޅާ، އެމީ….” އިޔާން ފެނުމުން މަޖުދާ މާ ބާރަށް ރޯންފެށިއެވެ.
****
ތުނިކޮން ވެހެމުން ދިޔަ ވާރޭގެ ތެރޭގައި އަމީރާ ހިނގަމުން ދިޔައީ މިސްރާބެއް ނެތް މުސާފިރެއް ފަދައިންނެވެ. ދެލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނައިގެ ތިކިތައް، މަގުމަތިން ހިނގާފައި ދިޔަ މީހުންނަށް ވަންހަނާވެފައި އޮތީ އޭނާގެ ބޮލުގައި އަޅުވާލެވިފައިވާ ތޮފީގެ ނިވަލުގައެވެ.
މިއަދު ތަގުދީރުގެ ނިންމުންތަކާމެދު އަމީރާގެ ހިތުގައި އިންތިހާޔަށް ޝަކުވާ އުފެދިއްޖެއެވެ. އޭނާގެ ދިރިއުޅުމާ މިކުޅެލީ ކޮންފަދަ ހަމްދަރުދީއެއް ނެތް ސަމާސާއެއް ހެއްޔެވެ. ވެފައިވާ ދެރައިން ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ވީއިތުރެވެ. ފޯނަށް އަންނަމުންދިޔަ ލައިބާއާއި ޔުޒީނާގެ އިތުރުން ފާރިހްގެ ކޯލްތަކަށް ޖަވާބުދޭނޭ ހިތްވަރެއް އެވަގުތަކު އަމީރާގެ ނެތެވެ. ސައިމަންވެސް އެހާ ގިނައިން އެގުޅަނީ ލައިބާގެ ފަރާތުން ޚަބަރު ލިބިގެންކަން އޭނާއަށް ޔަގީނެވެ. އެންމެފަހުން އެއްވެސް މީހަކާ ވާހަކަދައްކަން ބޭނުންނުވާތީ ފޯނު ނިއްވާލުމަށްފަހު ޖީންސުގެ ޖީބަށް ލިއެވެ. އަމީރާ ބޭނުންވީ އެކަނިވެރިކަމުގެ ހިމޭން އައްސޭރިއަކަށް މަޑުޖެހިލާށެވެ. ހަލަބޮލިވެފައިވާ އޭނާގެ ނަފްސަށް ހަމަޖެހުމެއް ލިބެންދެން، އަމިއްލަ ޒާތަށް ވަގުތުކޮޅެއް ދިނުމަށެވެ. އެކުވެރިންނާ ފަހުން ވެސް ބައްދަލުވެވިދާނެކަމުގެ ޔަގީންކަން އޮތީތީއެވެ. ޚިޔާލީ ދުނިޔެއެއްގައި ހުރެ ހިނގަމުން ދިޔަ އަމީރާއަށް އާދެވިފައިވާ ދުރުމިން އިހުސާސްވީ، ވެހެމުންދިޔަ ކަނިތައް ބޯވާރޭއަށް ބަދަލުވެ، ހިޔާވެލާނެ ތަނެއް ހޯދަން މަޖުބޫރުވި ވަގުތުއެވެ.
އަމީރާ ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއެވެ. ހިޔާލީ ދުނިޔޭގައި ހުރެ ހިނގަމުން އާދެވިފައިވަނީ އެ މަގުގެ އެންމެ ކޮޅަށެވެ. އެތަނުގައި ހުރީ ގެސްޓްހައުސްއަކާއި ޖެހިޖެހިގެން ހުރި ކުދި ފިހާރަތަކެކެވެ. މަގު ހުރަސްކޮށްލައިފިނަމަ، ކުރިމަތިން ފެންނަން އޮތް ހިޔާކޮށްފައިވާ ބަސް ހުއްޓިއަށް ވަދެވިދާނެއެވެ. ނަމަވެސް، މަގު ހުރަސްކުރުމަށް ވުރެ ބުއްދިވެރި ގޮތަކީ ފިހާރައަކަށް ވަދެ ހިޔާވުން ކަމުގައި އޭނާއަށް ފެނުނެވެ. އެހެނަސް، އަމީރާގެ ނަސީބު މިއަދު އަތުގައި ހިފާގޮތެއް ނުވިއެވެ. މަގުރިބު ނަމާދުގެ ބަންގީގެ އަޑާއެކު، ހުރިހާ ފިހާރައެއްގެ ދޮރުތަކުގައި ‘ބަންދު’ ބޯޑު އަޅުވައިފިއެވެ.
ދެން ހުރީ ގެސްޓްހައުސްއެވެ. އެ އިމާރާތުގެ ބޭރުފުށަށް ބަލާލުމުން ވެސް، އެއީ އާދައިގެ ތަނެއް ނޫންކަން އަމީރާއަށް ދެނެގަނެވުނެވެ. އެއްދުވަހަކު އިރަމްއާއެކު މި ސަރަހައްދަށް އާދެވުނު ހަނދާނެއް އޭނާގެ ސިކުނޑީގައި އާވިއެވެ. އެއީ ހަށިވިއްކުމާއި، ރަލާއި މަސްތުވާތަކެތީގެ ވަކިތައް ފެތުރިފައިވާ ނުރައްކާތެރި އައްޑާއެއް ކަމަށް އޭރު އިރަމް ބުނި ހަނދާންވެ، އަމީރާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާ ބަލަހައްޓައިގެން ހުއްޓާ އެތަނުގެ އެތެރެއިން ނުކުތް، ފިލިޕީންސް އަދި ތައިލެންޑް މީހުން ކަމަށް ބެލެވޭ ބޭރު މީހުންތަކެއް ފެނުމުން އެހިސާބާއި ގާތްވާންވެސް ބޭނުމެއް ނުވިއެވެ.
އެހެންކަމުން ބޯކޮށް ވެހެމުންދިޔަ ވާރޭގައި ތެމިފޯވީ ނަމަވެސް، އަމީރާ ގަސްތުކުރީ އައިކޮޅަށް އެނބުރި ދިއުމަށެވެ. ވަކި ހިސާބަކަށް ދެވުނު ހިނދު ފަހަތުން މީހަކު އަންނަ ކަމުގެ އިޙްސާސް ކުރެވުނެވެ. ފުރަތަމަ އަމީރާ ހީކުރީ ހީވި ހީވުމެއް ކަމުގައެވެ. އެކަމާކާއި އެހާ ބޮޑަކަށް ނުވިސްނިއެވެ. ވާރޭގައި ޖެހެވުމުން އޭނާގެ ހެދުން ވަނީ ގަޔާއި ހިފާލާފައެވެ. އިސްތަށިގަނޑު ވެސް ހުޅިން މިނިވަންވެ އޮތީ ގައިގާ ތަތްލާފައެވެ. ވާރެޔާއެކު ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުގެ ސަބަބުން އަމީރާގެ މުޅި ހަށިގަނޑު ހީގަނެ، ދަތްދޮޅި ތުރުތުރުލައެވެ.
އަނެއްކާ ވެސް ސިހުނީ ފަހަތުން ފިޔަވަޅުގެ އަޑު އިވިފައެވެ. އަމީރާ ކުއްލިއަކަށް ފަސް އެނބުރިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހިތްހަމަ ޖައްސާލަމުން ކުރިއަށް ހިނގައިގަތް ނަމަވެސް އޭނާއަށް ދެވުނީ ތަންކޮޅަކަށެވެ. އެ ފިޔަވަޅުތަކުގެ އަޑު ދެންވެސް އިވެންފެށީއެވެ. މިފަހަރު އެއީ ހީވި ހީވުމެއް ނޫނެވެ. އެއަޑު ވާރޭގެ ތެރެއިންވެސް ކަންފަތައް ސާފެވެ. ފަސް އެނބުރި ބަލާ ނުލާ އަމީރާގެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. ހަނދާނަށް އައީ އިރަމްއަށް ދިމާވި ހާދިސާގެ މަތިންނެވެ.
ހާސްކަމާއި ނުތަނަވަސްކަން އިންތިހާއަށް ގޮސް، އަމީރާއަށް ދެވޭ ނުދެވޭ ދިމާލެއްވެސް ނޭނގުނެވެ. އަވަސްއަރުވާލައިގެން ހިނގަމުން ދިޔައިރު، އޭނާއަށް ވަދެވުނީ މުޅިން ނުބައި މިސްރާބަކަށެވެ. ހަނި ގޯޅިގަނޑަކަށް ނުކުމެވުނުއިރުވެސް، އަމީރާއަށް އެކަން އިހުސާސެއް ނުކުރެވުނެވެ. އެ ގޯޅިގަނޑު އޮތީ އެއްފަރާތުން އަނެއް ފަރާތައް، ތަރުތީބެއްނެތި ގާތްގާތުގައި އަތުރާލާފައިވާ ސައިކަލްތަކުން މުޅިން ބައްދާލާފައެވެ. އެއްވެސް އުޅަނދަކަށް، އަދި ހިނގާ މީހަކަށްވެސް ފަސޭހައިން ވަދެނުކުމެ ނުހެދޭވަރަށް ގޯޅިގަނޑުވަނީ ސައިކަލުން ތޮއްޖެހިފައެވެ. އެ މަންޒަރު ފެނުމުން، އަމީރާގެ ބިރުވެރި ހިތަށް ކުޑަވަރެއްގެ ތަސައްލީއެއް ލިބުނެވެ.

ސައިކަލުތަކުގައި އަތް ހާކަމުން، ނުހަނު އުނދަގުލުން އެ މަގު ހުރަސްކޮށްލެވުނު ނަމަވެސް، އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. މުޅި މިސްރާބު އޮޅި، ދާންވީ ދިމާ ވަނީ ގެއްލިފައެވެ. އާންމުކޮށް އަމީރާ އެކަނި ބޭރަށް ނުކުމެ އުޅެނީ މަގެއް ހުރަސްކުރަން ނުޖެހޭހާ ކައިރި ހިސާބުތަކަށެވެ. ދުރު ހިސާބަކަށް ދާންޖެހިއްޖެ ނަމަ، އޭނާ އަބަދުވެސް ދަނީ ކޮންމެސް މީހެއްގެ އެހީތެރިކަމާ އެކުގައެވެ. ފުރަތަމަ ހިނގާފައި އައި މަގުން ކުރިއަށް ދިޔަނަމަ، އެއްވެސް އުނދަގުލަކާ ނުލައި ‘ގޯލްޑެން ފޯކް’ އާ ހަމައަށް ފޯރީހެވެ. އެހެނަސް ބިރުވެރިކަމުގެ ތެރޭގައި ހިތްވަރު އެލި، އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ކެނޑުމުން، ދެވުނު ނުދެވުނު ދިމާއެއްވެސް ނޭނގުނީއެވެ. މިހާރު ކުރާނެ ކަމެއް ނެތެވެ. މި ނުރައްކާތެރި އިމްތިހާނާ ކުރިމަތިލުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.
އުންމީދުގެ އެންމެ ފަހު ހުޅުކޮޅު ރޯކޮށްލުމުގެ ނިޔަތުގައި، ޖީބުން ފޯނު ނަގައި ލައިބާއަށް މެސެޖެއް ކުރެވޭތޯ އަމީރާ މަސައްކަތް ކުރިއެވެ. ނަމަވެސް ޖީބުގައި އޮތްއިރުވެސް ވާރޭގެ ތެތްކަން ފޯނަށް ވަނީ ސަވާރުވެފައެވެ. ފޯނު ހުޅުވާލައި ސްކްރީނަށް ބަލާލި ވަގުތު، ވެހެމުންދިޔަ ވާރޭގެ ތިކިތައް ފޯނުގެ ތެރެއަށް ދެމިގަތެވެ. އެއާއެކު، އޭނާގެ ހުރިހާ އުންމީދެއް ފުނޑުފުނޑުކޮށްލަމުން ފޯނު ނިވިއްޖެއެވެ. މާޔޫސްކަމެއްގެ ތެރޭގައި ހުރެ ޖީބަށް ފޯނުލިއެވެ.
އެމަގުން ހިނގާލާފައި ކުރިއަށް ދިޔައިރު، މަގާވީ ފަރާތައް ޕާކުކޮށްފައިވާ ސައިކަލްތަކެއް ފެނުނެވެ. އޭރުވެސް ފަހަތުން އަންނަ މީހެއްގެ ފިޔަވަޅުތައް އެގޮތުގައި ވިއެވެ. އަމީރާގެ ފިޔަވަޅުތައް ވެސް ބެހެއްޓީ ހަލުވިކޮންނެވެ. އެ ސައިކަލު ތަކާއި ހަމަކުރެވުނު ހިނދު އެތަނުން އެންމެ ކައިރިއަށް ހުރި ސައިކަލުގެ ލޯގަނޑުން ފަހަތައް ބަލައިލެވުނެވެ.
މުޅި ކުއްޖާ ރޫރޫ އަޅައިގަތެވެ. ފަހަތުގައި މީހަކު އެބަހުއްޓެވެ. ވާރޭގެ ފުސްކަމާއި ފަނޑު އަލިކަމުގެ ތެރެއިން އެއީ ކާކުކަން ސާފުކޮށް ވަކިވާވަރު ނުވި ނަމަވެސް، އެ މީހަކު ހުރީ އަމީރާއާ ނުހަނު ގާތުގައެވެ. އޭނާގެ ނޭވާގެ ހޫނުކަން ކޮނޑުމަތިން އިހުސާސުވާހާ ގާތުގައެވެ. ބިރުން ހިތް ހުއްޓޭވަރު ވީ ނަމަވެސް، އަމީރާ އިންތިހާއަށް ހިތްވަރުކޮށްލާފައި، ހަށިގަނޑުގައި ހުރި ބާރެއްލައި ކުއްލިއަކަށް ފަސްއެނބުރިލިއެވެ.
އެ ހިނދު، ކުރިމަތީގައި ހުރި މީހާގެ މޫނު އަމީރާއަށް ސާފުކޮށް ފެނިއްޖެއެވެ. ފެނުނު މަންޒަރަކުން ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަ ހެންނެވެ. ހުރި ފިޔަވަޅުމަތީގައި ގަނޑުވިއެވެ. ހަށިގަނޑުގެ އެއްވެސް ގުނަވަނަކަށް ހަރަކާތެއް ގެންނާނެ ހަކަތައެއް އޭނާގެ ގަޔަކު ނެތެވެ. ލިބުނު ސިހުމާއި އިންތިހާ ދަރަޖައިގެ ބިރުވެރިކަމުގެ ސަބަބުން، އަމީރާގެ ލޭގެ ހިނގުން މަޑުޖެހި، އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ހުދުވެގެން ދިޔައެވެ. އެއީ ދެން ދުވަހަކުވެސް ފެންނާނެ ކަމަށް އުންމީދު ކުރި ސޫރައެއް ނޫނެވެ.
ކަޅުކުލައިގެ ގަމީހުގެ މަތިން އޭނާ ލައިގެން ހުރީ އެކުލައިގެ ވިއްސާރަ ކޯޓެކެވެ. އޭގެ ހުޑު އޮތީ ބޮލުގައި އަޅުވާލެވިފައެވެ. ނަމަވެސް އެ މޫނު ފޮރުވަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ އެ ސޫރަ ފެނިގެން ދިޔައެވެ. އެތައް ދުވަހެއްގެ މެދުކެނޑުމަކަށްފަހު ފެނުނު ނަމަވެސް، އެ ސޫރަ އަމީރާއަކަށް ނޯޅުނެވެ. އެއީ ހަމަ އެ މަކަރުވެރި ހިނިތުންވުމެވެ. އެއީ ހަމަ އެ ވިހަގަދަ ނަޒަރެވެ. އަމީރާއާ ދިމާއަށް އޭނާ އެޅި ފުރަތަމަ ފިޔަވަޅާއެކު، މުޅި ހަށިގަނޑަށް ވަރުގަދަ ލޮޅުމެއް އަރައި، ބިރުވެރިކަމުގެ ކަނޑަކުން އޭނާ ހޭލައްވާލި ފަދައެވެ.
“ޖި..ޖި..ނާ..ންން” ލަސްލަހުން އަމީރާގެ ދުލުން އެބަސްތައް ބޭރުވިއިރު ޖިނާން ބޮލަށް ވައްޓާލާފައިވާ ހުޑު ތިރިކޮށްލިއެވެ.
“ލޯންގް ޓާއިމް ނޯ ސީ، މައި ޑިއާރ ފިއާންސޭ” ޖިނާންގެ އަޑުގައިވީ މަލާމާތުގެ އަސަރެވެ. އެ ބަސްތަކާއެކު އޭނާ ދޫކޮށްލީ އަމީރާގެ ލޭ ކައްކުވާލި ނުލަފާ ހިނިތުންވުމެކެވެ.
އަމީރާ އަވަސް ނަޒަރަކުން ފަހަތް ބަލައިލިއެވެ. ދުވެފައި ސަލާމަތްވެވިދާނެ ކަމުގެ ކުޑަ އުންމީދެއް އޮތެވެ. ނަމަވެސް އެ މަގު ނިމި ގުޅެނީ ކާރުބާރު ބޮޑު މަޖީދީ މަގަށެވެ. އެހެނަސް، ޖެހިގެން އައި ސިކުންތުގައި، ހަށިގަނޑަށް ބާރުލައި އަމީރާ ދުއްވައިގަތެވެ. ޖިނާން އެފަދަ ކަމަކަށް ތައްޔާރުވެގެން ނެތުމުން، އޭނާއަށް ލިބުނު ކުއްލި ސިހުމާއެކު، ހިނދުކޮޅެއްގެ ތެރޭގައި އަމީރާގެ ފަހަތުން ދުއްވައިގަތެވެ.
މަޖީދީ މަގާ ހަމައަށް ފޯރުނުއިރު، އަމީރާއަށް މަޑުޖެހެން މަޖުބޫރުވިއެވެ. އޮހެމުންދިޔަ ބޯ ވާރޭގެ ތެރެއިން މީހެއްގެ ހިލަމެއް ފެންނަން ނެތް ނަމަވެސް، ބާރު ދުވެލީގައި ދަތުރުކުރަމުންދިޔަ އުޅަނދުތަކުން މަގު އޮތީ ފުރިފައެވެ. އެފަދަ ވަގުތެއްގައި ހުސް ކާރެއް ލިބުމަކީ ނާދިރު ކަމެކެވެ. އެހެންނަމަ ކާރެއް މަޑުކުރުވައިގެން ގެއަށް ދެވުނީހެވެ.
“ސްޕެއިން އިން އެންމެ ފަހުން މަށައް އަމީރާ ފެނުނު ވަގުތު ކޮޅު މިހާރު ހަނދާން ވެއްޖެ ދޯ؟” ވާރޭގެ ތެރެއިން ވެސް އަމީރާގެ ކަންފަތާއި ހަމައަށް ފޯރީ ޖިނާންގެ ވިހައަޑެވެ. އެ ހިތްދަތި ހަނދާންތައް އާކުރަން ބޭނުން ނުވި ނަމަވެސް، އެދުވަހުގެ ބިރުވެރި ހާދިސާ އަމީރާގެ ލޯމައްޗަށް ސިފަވިއެވެ. ބިރުކަނޑާލާފައި މަގު ހުރަސްކުރި ވަގުތު، ބާރު ދުވެލީގައި އައި އުޅަނދެއްގައި ޖެހި އެކްސިޑެންޓްވި ގޮތް ހަނދާންވުމުން، ދެފަރާތަށް ބޯ ހޫރުވާލެވުނެވެ.
އެހެން ހުއްޓާ ޖިނާންއަށް ފޯނު ކޯލެއް އައެވެ. އޭނާ ފޯނު ނެގިއިރުވެސް ބަލަހައްޓާއިގެން ހުރީ އަމީރާގެ މޫނަށެވެ.
“ކޫލް! ފެނިއްޖެ ދޯ؟ އޯކޭ” ޖިނާން ފޯނު ކަނޑާލަމުން އައިސް ހިފާލީ އަމީރާގެ އަތުގައެވެ. އަމީރާ ވަގުތުން އަތް ފޮޅުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ޖިނާންގެ ބާރު އިޙްސާސްވެ މާޔޫސްވާ ގޮތްވިއެވެ. އޭނާ އަތުގެ އިޝާރާތުން ދައްކާލީ މަގުގެ އެއްފަރާތެއްގައި އިންޖީނު ހިންގާފައި އޮތް ކާރަކަށެވެ. ހީވީ އެ ކާރު އޮތީ އަމީރާގެ އިންތިޒާރުގައޭ ބުނެލިހެންނެވެ.
“މަށާ އެއްކޮން ރީތި ގޮތުގަ އެ ކާރުގަ ދާނީތަ؟ ނޫނީ ގަދަ ބާރުގެ ބޭނުންކުރަންވީތަ؟” ޖިނާން އަނެއްކާ ވެސް ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. އަމީރާގެ ހުދުވެފައިވާ މޫނުގައި ފިރުމާލަމުން، ކޮލަށް ފިތާލިއެވެ. އަދި ޖަވާބުދޭށޭ ބުނެ އިންޒާރުދެމުން ނިތް އަރުވާލިއެވެ. ޖިނާން ހިފަހައްޓާއިގެން ހުރިލެއް ބާރުކަމުން އަމީރާގެ އަނގައިގާ ލޭ ރަހަ ލާ ގޮތްވިއެވެ.
އަމީރާ ބަލައިލީ މަގުމައްޗަށެވެ. ދެން ޖިނާން ހިފަހައްޓާއިގެން ހުރި އަތަށެވެ. ޖިނާންއާއި އެއްކޮން ދިއުމަށްވުރެން، އަމިއްލަ ފުރާނަ ގުރުބާން ކުރުންވެސް މާ އައުލާކަންބޮޑެވެ. އިރުކޮޅަކު ވިސްނާލުމަށްފަހު ހުރި ބާރެއްލާފައި ޖިނާންގެ އަތުގައި ދަތް އެޅިއެވެ. އެހިނދު ވެގެން ދިޔަ ތަދުން އޭނާގެ އަތުން އަމީރާގެ އަތް ދޫވިއެވެ. އެ ދަނޑިވަޅު ބަލައި، އަމީރާ ދުވެލާފައި ގޮސް ހުއްޓުނީ ހުރަސް ރޮނގުމަތީގައެވެ. ވާރޭގެ ތެރޭގައި ހަލުވިކަމާއެކު ދަތުރުކުރަމުންދިޔަ އުޅަނދުތަކުގެ ބާރުމިން ފެނި، އޭނާގެ ބޯ އަނބުރަން ފެށިއެވެ. އޭރު ރުޅިވެރިކަމުން ރަތްވެފައިވާ މޫނަކާއެކު ޖިނާން އާދެއެވެ. ތުރުތުރުލަމުންދިޔަ ދެފައިން ހިނގާލާފައި އަމީރާއަށް ދެވުނީ މަގުގެ މެދާ ހަމައަށެވެ. އެ ހިސާބުން އޭނާގެ ފިޔަވަޅުތައް ހުއްޓި، ކުރިއަށް ދިއުމަށްޓަކައި އިތުރު އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.
ގަނޑުވެފައި ހުރެވުނު އިރު، އުޅަނދުފަހަރުތަކުން އެޅެމުން ދިޔަ އަލިތަކުން ބޮލުގައި ރިއްސައިގަތެވެ. އެ ރިހުންގަނޑާއިއެކު، ސިކުނޑީގެ ފުންމިނުގައި ބަންދުވެފައި ހުރި ހަނދާންތަކެއްގެ ދޮރުތައް ކުއްލިއަކަށް ހީވީ ހުޅުވެން އުޅުނުހެންނެވެ. ކަންފަތާއި ސިކުނޑީގައި އެތައް އަޑުތަކެއް އެއްފަހާރާ ގުގުމަން ފެށިއެވެ. މީހުން ޥާހަކަ ދައްކާ އަޑާޢި ހުނުމުގެ އަޑުތަކެވެ. ދެ ކަންފަތުގައި ބާރަށް އަތް އަޅާލެވުނެވެ. އެހިނދު، ސިކުނޑީގެ ލޯގަނޑުން ދައްކާލީ އާދަޔާޚިލާފު މަންޒަރެކެވެ.
އޭނާގެ ޚިޔާލީ ދުނިޔޭގައި އުޅޭ އެ ތުއްތު އަންހެން ކުއްޖާގެ ސޫރައެވެ. އޭނާ ފުރަތަމަ ފެނުނީ ފަހަތުންނެވެ. އެއަށްފަހު، ބާރު ދުވެލީގައި އައި ކާރެއް އެ ކުއްޖާގެ ގައިގައި ޖެހި، މާދުރަށް ވިއްސައިގެން ދިޔަ މަންޒަރު ސިފަވުމާއެކު އަމީރާގެ ކަރުބުޑުން ތޫލި ހަޅޭކެއްގެ އަޑު ބޭރުވިއެވެ. މުޅި ކުއްޖާ ތުރުތުރުއަޅަމުން ދިޔައެވެ. ކޮޅަށް ހުންނާނެ ހަކަތަ ހުސްވެ، އޭނާ ދެފައި މައްޗަށް ތިރިވިއެވެ. މަގުމަތީގެ ފުސްކަމުގެ ތެރެއިން ދަތުރުކުރާ އުޅަނދުތައް ހީވަނީ ދެންމެ ދެންމެ އޭނާގެ ގައިގައި ޖެހިދާނެ ހެންނެވެ. ތެރެޕީން ދަސްކުރި ހިތްވަރުގެ ބޭނުން ހިފައި، ތެދުވަން މަސައްކަތް ކުރި ނަމަވެސް، ސިކުނޑީގައި އުފެދިފައިވާ ތޫފާނުގެ ބާރު މާ ގަދައެވެ.
އެ ވަގުތު އަމީރާގެ ބޮލުގައި އިހުނަށްވުރެ ބޮޑަށް ރިއްސައިގަތެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އިހުސާސު ކުރެވިފައި ނުވާ ފަދަ ތޫނު، ވޭންގަދަ ރިހުމެކެވެ. އެ ވޭން ދިޔައީ ސިކުންތަކަށްވުރެ ސިކުންތެއް ގަދަވަމުންނެވެ. އެއާއެކު އަމީރާގެ ނޭފަތާއި އަނގައިން ތާޒާ ލޭގަނޑު އޮހޮރިގަތެވެ. ހަނދާންތައް ގެއްލުނު ފަހުން، އޭނާގެ ޚިޔާލީ ދުނިޔޭގައި ފުސް ހިޔަނިތަކެއް ފަދައިން އުޅުނު އެ ކުޑަ އަންހެން ކުއްޖާއާއި، އޭނާގެ ގާތުގައި ތިބޭ ބޮޑު ދެ ސޫރައަކީ ކޮންބައެއްކަން ނޭނގި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު، އެ ބިރުވެރި ވަގުތުކޮޅުގެ ތެރޭގައި ސާފުވާން ފެށިއެވެ.
އެ ކުޑަ އަންހެން ކުއްޖާގެ މޫނުން ސިފަވީ އޭނާގެ އަމިއްލަ ސޫރައެވެ. ދެން ފެންނަން ފެށި ބޮޑު އަންހެން މީހާއާއި ފިރިހެން މީހާގެ ސޫރަ، ފުސްގަނޑެއްގެ ތެރެއިން މަޑުމަޑުން ފާޅުވާން ފެށިއެވެ. ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ ފުސް ސޫރަތަކަށް ވެސް މަޑުމަޑުން ކުލަޖެހި، ސާފު މަންޒަރަކަށް ބަދަލުވިއެވެ. އެ ފިރިހެން މީހާގެ މޫނު ސިފަޖެހުނީ ހައިކަލްގެ ސޫރައަށެވެ. އަދި އަންހެން މީހާގެ މޫނުގެ ސިފަޖެހުނީ އާމިލާގެ ސޫރައަށެވެ. ބޯހާސްވެ، ދެލޯ މަރާ ފިއްތާލަމުން އަނެއްކާވެސް އަމީރާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
އެއާއެކު އޭނާގެ ހަނދާނުގެ ތެރެއިން އެހެން މަންޒަރެއް ކުޅެލިއެވެ. ހައިކަލްއާއި އާމިލާގެ ގޭގެ ބަގީޗާތެރޭގައި ދުވަމުން ދިޔައީ ތުއްތު އަމީރާއެވެ. އަމީރާގެ ފަހަތުން ހައިކަލް އާއި އާމިލާ ވެސް ދުވަމުން ދިޔައިރު، މުޅި މާހައުލުގައި ހިފާލާފައިވަނީ އެ ތިންމީހުންގެ އުފާވެރި ހުނުމުގެ އަޑެވެ.
ތުރުތުރު އަޅަމުން ދިޔަ އިނގިލިތައް އޭނާއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނެވެ. އާމިލާއާއި ހައިކަލްއެއީ އޭނާގެ މަންމައާއި ބައްޕަހެއްޔެވެ؟ މިހުރިހާ ދުވަހު އޭނާއަށް މިއުޅެވުނީ އޭނާގެ އަސްލު އާއިލާއާއި ނުހަނު ގާތުގައި ހެއްޔެވެ.؟ އެ ކުޑަ އަންހެން ކުއްޖާއަކީ ހަމަ އޭނާގެ އަމިއްލަ ނަފްސު ހެއްޔެވެ؟. އޭނާގެ އުފާވެރި މާޒީގެ ތެރެއިން، ގޭގެ ބަގީޗާގައި އެކުގައި ހޭދަކުރި ހިތްގައިމު ވަގުތުތަކާއި، އެ ފުރިހަމަ ގޭގެ ކޮންމެ ކަނެއް އޭނާގެ ސިކުނޑީގައި މިއަދު ނުހަނު ސާފުކޮށް ކުރެހިއްޖެއެވެ. ނަމަވެސް އެ އުފާވެރިކަމުގެ މައްޗަށް ވެރިވީ ކަނު އަނދިރިކަމެކެވެ. އޭނާގެ ހަނދާނުގެ ތެރެއިން އޭނާއާއި އެކު ދެން އަބަދު އުޅޭތަން ދެން ފެންނަ ކުޑަ އަންހެންއާއި އަނިޔާވެރި އަންހެން މީހާ ސޫރަވެސް ސިކުޑީގައި ކުރެހުނީއެވެ. އަދި އޭނާއަށް ވުރެން ތަންކޮޅެއް ބޮޑު އަންހެން ކުއްޖަކާ ބޮޑު ފިރިހެނެއްގެ ސޫރައެވެ. އެމީހުންގެ ސޫރަތައް ވެސް ސާފްވެ އެއީ ކޮންބައެއްކަން އެނގުނު ހިނދު އަމީރާއަށް ދެފަރާތައް ބޯހޫރުވެމުން ދިޔައެވެ.
އެންމެ ފަހުން، ގައިގައި ނެތް ހިތްވަރެއް ދައްކައި، އަމީރާ ކޮޅަށް ތެދުވެލިއެވެ. ނަމަވެސް ބޮލުގައި އުފެދިފައިވާ ގަދަ ރިހުމާއި މުޅި ހަށިގަނޑުގައި އަޅަމުންދިޔަ ވޭނުގެ ސަބަބުން، އޭނާގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތެވެ. ލައިގެން ހުރި ހެދުމުގައި ވަނީ އަނގަޔާއި ނޭފަތުން ފޭބި ތާޒާ ލޭގެ ރަތް ކުލަ ފެވިފައެވެ. އަރިއަޅަމުން، އެއްލެމުން ކަހަލަ ގޮތަކަށް އޭނާއަށް ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ކައިރިން ދަތުރުކުރާ އުޅަނދުތަކުގެ ބާރު ބަރުގޮނުގެ އަޑުތައް އޭނާގެ ކަންފަތާ ހަމައަށް ފޯރާ ހެނެއް ހީނުވެއެވެ. އޭރު އެ ބޯ ކެރިގަނޑުގެ ތެރޭގައިވެސް، އޭނާ ފެނިގެން ފިހާރައެއްގެ ތެރެއިން ނުކުތް ދެމީހަކު، ކަރުން ލޭ ރަހަލާވަރަށް ހަޅޭއްލަވަމުން އަންނަ އަޑުވެސް އަމީރާއަކަށް ނީވެއެވެ. އަރިއަޅާލަން އުޅުނު ވަގުތު އޭނާއަށް ހުއްޓިލެވުނެވެ.
އެ ހިނދު އޭނާގެ މޫނަށް އެޅިގެން ދިޔައީ ގަދަ ރަތް އައްޔެކެވެ. އަމީރާއަށް ބަލައިލެވުނުއިރު، ބާރު ސްޕީޑުގައި އައި ކާރެއް އޭނާއާ އަރާ ހަމަކުރަނީއެވެ. ދުއްވައިގަންނަން އޭނާގެ ޒަމީރު ގޮވާލި ނަމަވެސް، ކިޔަމަން ނުވާ ހަށިގަނޑެއް ގޮވައިގެން އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ ކުރިމަތިން އައި އެ ކާރު އަމީރާގެ ހަށިގަނޑުގައި ޖެހި، އޭނާ ވައިގެ ތެރެއަށް ވިއްސައިގެން ދިޔައެވެ. އެ ބިރުވެރި ހިނދުކޮޅަކީ، އުމުރުން އެންމެ ފަސް އަހަރުގައި ހިނގި އެ ހިތްދަތި އެކްސިޑެންޓުގެ ހަގީގަތް، ފިލްމެއްގެ މަންޒަރުތަކެއް ފަދައިން އޭނާގެ ލޮލުގެ ކުރިމަތީގައި ނިއުޅިގަތް ވަގުތެވެ. އެއީ އިއްތިފާގުން ހިނގި ކަމެއް ނޫންކަން ކަށަވަރުވިއެވެ.
ޝާއިރާއާއި އޭނާގެ މިހާރުގެ ފިރިމީހާ އާޝިއު، ދިން ލާއިންސާނީ އަނިޔާތައް އޭނާގެ ލޯމައްޗަށް ސިފަވާން ފެށިއެވެ. ޝާއިރާ އަމިއްލަ އަތުން އަމީރާގެ ގަޔަށް އިންޖެކްޝަން ޖެހި މަންޒަރާއި، އާޝިއު އޭނާ ގެންގޮސް މަގުމެދަށް އެއްލާލި ގޮތެވެ. އިންޖެކްޝަނާއި ލިބުނު އަނިޔާތަކަށް ކެތްނުވެގެން އަމީރާ ބިމަށް ދެމިފައި ވަނިކޮށް، ޝާއިރާ ކާރު ދުއްވާފައި އައިސް ބާރު ދުވެލީގައި އޭނާގެ ގައިގައި ޖައްސައި އެކްސިޑެންޓްކޮށްލި ރަހުމުކުޑަ ގޮތެވެ. ހުރިހާ ހަނދާނެއް އެއްފަހަރާ އައިސް ސިކުނޑީގައި ބިންދާލުމުން އަމީރާއަށް ދެލޯ މަރާ ފިއްތާލެވުނެވެ. ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަމީރާގެ ހަށިގަނޑު ބިންމަތީގައި ޖެހުނެވެ.
އެހިނދު މުޅި ހިސާބުގަނޑުގައި ލޭގެ ކޯރެއް ފެވި، ވެހެމުންދިޔަ ވާރޭއާ އެކުވެގެން އެ ލޭގަނޑު މަގުމަތީގައި ފެތުރިގެން ދިޔައެވެ. މުޅި ދުނިޔެ އޭނާއަށް އަނދިރިވެ، ހަމަހިމޭންކަން ވެރިވިއެވެ.
****
(ނުނިމޭ).

25 ހިޔާލު

  1. Anonymous
    05:41 ⁧⁦12/7/2026⁩⁩

    NOOOOOOOOOOO
    i just want to kill those bitches

  2. LUnaa
    06:38 ⁧⁦12/7/2026⁩⁩

    WHAT THE HELLLL
    JINAAN
    😭😭😭😭😭
    Damngggggg plxxx emy ah gotheh nahadhncheh

    Ekuhja ge huriha memories eh genes bahataafa
    Omg omg😭😭😭 mihaaru dhen nuves huregeyne igeyy😭😭😭
    Woooww vvvv reeethi mA🤍🤍💗💗

  3. ފފފފފ
    06:40 ⁧⁦12/7/2026⁩⁩

    This is so painful to read😭😭
    Thihen nuhadhaa
    Magey dhari😭 haadha nubai gothekeyy mihaaru mi vani

  4. Reinn
    07:22 ⁧⁦12/7/2026⁩⁩

    Ahhhh😩😩dhen jinaaanuuuu
    Gwt hell out of thereee😡😡😡 balaala. Nubaikan… emy ah enme peaceful dhuvaheh ves dhen naannaaane😑😑
    Aghhh i feel bad for emy
    Please please dhen emy ah gotheh nuhadhahchey… mihaaru ehery memories ves libifa… salhi vaane next part… dhe please kohlahchey😭❤️‍🩹❤️❤️

  5. Anonymous
    08:21 ⁧⁦12/7/2026⁩⁩

    💔💔💔💔

  6. Some one
    08:39 ⁧⁦12/7/2026⁩⁩

    Vvvvv reethi mi part vs

  7. Zivvu
    10:59 ⁧⁦12/7/2026⁩⁩

    My heart💔💔
    Vvvvv reethi
    Mi vaahaka nimenytha alhe😑😟

  8. Bumble bee 🐝
    14:31 ⁧⁦12/7/2026⁩⁩

    What the hell😭
    Jinaan🔪

  9. Rose
    15:02 ⁧⁦12/7/2026⁩⁩

    Vvv reethi alhey ehaa avahah vaahaka nuninmahche

  10. Eena
    10:15 ⁧⁦13/7/2026⁩⁩

    This is so heart breakingg💔😩

  11. MNNN
    19:25 ⁧⁦13/7/2026⁩⁩

    The actual helll JINNAANNNN….
    🤯

  12. Guu
    17:22 ⁧⁦15/7/2026⁩⁩

    Dhen noooooo
    🥀💔🥀💔🥀💔🥀

  13. Anonymous
    21:11 ⁧⁦19/7/2026⁩⁩

    JINAAAAAAAAAAAAN🤬
    💔💔

  14. Anonymous
    21:29 ⁧⁦21/7/2026⁩⁩

    When next part

  15. Loora
    09:20 ⁧⁦22/7/2026⁩⁩

    Ahh can’t wait 🥺🥺

  16. Zuzzooo
    15:36 ⁧⁦22/7/2026⁩⁩

    Kobaatha next part..haadha dhuvaheh vehjeyey

  17. Me mama
    14:11 ⁧⁦25/7/2026⁩⁩

    Kobaa?? When next?

  18. Anonymous
    18:19 ⁧⁦27/7/2026⁩⁩

    Alheeeeeyyyyyyhaadhalaheyyyy

  19. Anonymous
    14:25 ⁧⁦1/8/2026⁩⁩

    please uptade

  20. Anonymous
    12:55 ⁧⁦7/8/2026⁩⁩

    please update

  21. މަ
    10:56 ⁧⁦9/8/2026⁩⁩

    ކޮންއިރަކުން ވާހަކަ އަޕް ކުރަނީ

  22. Anonymous
    00:23 ⁧⁦12/8/2026⁩⁩

    koba next part

  23. Mary
    16:11 ⁧⁦13/8/2026⁩⁩

    Mi vaahaka nomineethoa

  24. ލރ
    08:41 ⁧⁦16/8/2026⁩⁩

    މިވާހަކަ ގެނެސްދިނުން ހުއްޓާލީތަ؟

  25. y.
    00:17 ⁧⁦18/8/2026⁩⁩

    When’s next part?? Can’t wait 🩷😭

ކިޔުންތެރިންގެ ހިޔާލު