“އެދުވަހު ޝާއިރާ އަހަންނަށް ގުޅާފަ ބުނީ ހައިކަލްގެ ގާތުން ބަދަލު ހިފަން ބޭނުންވަންޏާ އަންނާށޭ ހައިކަލްގެ ގޭ ކައިރިއަށް ޝާއިރާ ބުނާ ގަޑިއަކަށް.. އަހަރެން ވެސް ހައިކަލްގެ ދެކެ އަންނަ ރުޅިން ބަދަލެއް ހިފަން ބޭނުންވެފަ ހުރި ވަރުން ދިޔައިން.. ހައިކަލްއާއި އާމިލާ ކައިވެނި ކުރި ހިސާބުން އަހަރެން ދަންނަން ޝާއިރާ.. އެއީ އާމިލާގެ ކޮއްކޮއަށް ވީތީ.. އޭގެ ދުވަސްކޮޅެއް ފަހުން ޒައީމްއާއި އެކު ފެންނަން ފެށި.. ޒައީމްއާއި އަހަންނަކީ އެކުވެރިން ވީމަ ޒައީމްއާއި ވާހަކަ ދައްކަން.. އެކަމަކު އޭރުވެސް ޝާއިރާއާއި ގުޅުމެއް ނޯންނާނެ.. މިބުނާ ދުވަހު އަލަށް ވެސް ވާހަކަ ދެކެވުނީ.. ޝާއިރާ ބުނި އިތުބާރު ކުރާށޭ، ތިމަންނަ ރުޅި އާދެއޭ އާމިލާ ދެކެ.. އޭރުވެސް ވެސް ނޭނގޭ ކުރަން އުޅޭ ކަމެއް.. ދެން އޭނަ ބުނި ގަޑިއަށް ގޮސްގުޅީމަ، ނުކުމެފަ ކާރަށް އަރައިފި .. މޫނު ބުރުގާ އަޅައިގެން އިނީ..އާޝިއު ވެސް އައި.. އޭރު އާޝިއު އާއި ޝާއިރާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން.. އެކަމަކު ޒައީމްއާއި ކައިވެނިކޮށްގެން ޝާއިރާ އުޅެނީ.. އެގިއްޖެ ދޯ ދެން މިބުނި އެއްޗެއް.. އާޝިއުއަކީ ޝާއިރާގެ ވަގު ލޯބިވެރިޔާ.. އެތަނުން ބުނީ، އާމިލާއާއި ހައިކަލްއަށް ދެވޭނެ އެންމެ ބޮޑު ދެރައަކީ އެމީހުން އަންހެން ދަރިފުޅާއި ކުޅެލުމޭ.. އަދި އިރުކޮޅަކުން އެކުއްޖާ އަންނާނެއޭ ކާރަށް އަރަން .. ދެން ޝާއިރާ ބުނި ތިމަންނަ މިއައީ އޭނާއަށް ބިރުދައްކާފައޭ . އަދި ތިމަންނަ ދެކެ އަމާޔާ ޖެހިލުން ވާނެއޭ.. އެވަގުތު އަހަރެން އެހިން ކޮބާހޭ ޕްލޭނަކީ.. ޝާއިރާ ބުނީ އަމާޔާ މަރާލުމޭ..އެކަމަކު އަހަރެން ވަގުތުން ދެކޮޅު ހެދިން.. އާޝިއު ވެސް ދެކޮޅު ހެދި.. އެހެން ނަމަވެސް އެންމެ ފަހުން ޝާއިރާގެ ގަދަ ނުފޫޒާއި ބަސްތަކުން އާޝިއު އެކަމާއި އެއްބަސް ވި” ސޯދިގު ވާހަކަ އެހިސާބަށް ގެންގޮސް ބަލައިލީ އިޔާންގެ މޫނަށެވެ. އިޔާން ހުރީ އިވެމުންދާ ވާހަކަ ތަކުން ސިހިސިހިއެވެ. މޫނުން ހުދުކަން ނުކެނޑެއެވެ.
“އިށީންދޭ، މިއަދު ކިޔައިދޭނަން އަހަންނަށް އެނގޭ މިންވަރަކުން ތަފްސީލާއި އެކު” ސޯދިގުގެ ހިތުގައި ހަމްދަރުދީ އުފެދުނީ ކަންނޭނގެއެވެ. އިޔާންއަށް ގޮނޑި ދައްކާލިއެވެ. އަދި ކިޔައިދޭން ފެށިއެވެ.
***
(ތޭރަ އަހަރު ކުރި)
****
“ޝާއިރާ! ތި ކުރަން އުޅޭ ކަމަކަށް އަހަރެންގެ ޟަމީރެއް އެއްބަހެއް ނުވޭ. މައުސޫމު ފުރާނައެއް ދުއްވާލުމަކީ އަހަރެންގެ ނަޒަރުގައި އިންސާފެއް ނޫން. އެހެން ނޫނަސް ހައިކަލްގެ ފަރާތުން އަހަރެން ބަދަލެއް ހިފަންޏާ ހިފާނީ.. އެވެސް އޭނާ މަރާނުލާ ކޮންމެވެސް އެހެންގޮތަކަށް! ހާއްސަކޮން އޭނާގެ ދަރިންގެ ފަހަތުން ދުވުން މިއީ ވަރަށް މޮޔަކަމެއް.. މިކަމަށް ހައްލެއް ވެސް އޮންނާނެ ނޫންތަ؟” ޑްރައިވަރު ސީޓުގައި އިން ސޯދިގު، ނުހަނު ސާބިތުކަމާއެކު އޭނާގެ ދެކޮޅުވެރިކަން ހާމަކުރިއެވެ. “މީހެއްގެ މަރުގެ ޒިންމާ ބޮލުގައި އަޅައިގެން، ކުށްވެރިއެއްގެ ގޮތުގައި ޖަލު ގޮޅީގައި އުމުރު ހޭދަކުރާކަށް އަހަރެން ބޭނުމެއް ނޫން. ކިތަންމެ ދަށު ދަރަޖައަކަށް ވެއްޓުނަސް، ގާތިލަކަށް ވުމީ އަހަރެންގެ ފިޠުރަތުގައި ހުރި ކަމެއް ނޫން” ސޯދިގު އިތުރުކޮށްލިއެވެ.
ސޯދިގުގެ ވާހަކަތަކުން ޝާއިރާގެ މޫނުމައްޗަކަށް އެއްވެސް ބަދަލެއް ނައެވެ. އޭނާ އިނީ ބަހަކުން ބަހެއް ނުބުނެ، ހިމޭންކަމާއެކު މޫނު ބުރުގާ ރަނގަޅުކޮށްލަ ކޮށްލައެވެ. ފަހަތު ސީޓުގައި އިން އާޝިއުގެ މޫނު، އޭނާ އަޅައިގެން ހުރި ކަޅު ތޮފީގެ ހިޔަނިން ނިވާވެފައިވީ ނަމަވެސް، ޝާއިރާގެ ނިންމުމާމެދު އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ކަނޑައެޅިގެން ފާޅުވާން ހުއްޓެވެ.
“މަ ވެސް އެކަމާއި ދެކޮޅު، ޝާއިރާ!… އަމާޔާ މަރާލާކަށް މަ ބޭނުމެއް ނޫން!.. އަނެއްކާ މިހާރު ވާހަކަ ތި ދައްކަނީ، އަހަރެމެން ދެމީހުން ކުރިން ޕްލޭން ކުރި ގޮތަކަށްވެސް ނޫނެއްނު؟ އަހަރެމެން ނިންމީ މީނަ ސްޕެއިންއަށް ފޮނުވާލަން ..އެހެންނު؟” ހިތްހަމަނުޖެހުނު ވަރުން އާޝިއުގެ އަޑުވެސް ހުރީ ބާރުވެފައެވެ. އެއަޑުގައިވާ ނުތަނަވަސްކަން ވެސް ސިއްރެއްނުވިއެވެ.
“ނޫނޭ، އޭނާގެ ނިމުން އަންނަންޖެހޭނީ މަރުން. ހަމަ މަރާލާނީ!.. ކުރިން ސްޕެއިންއަށް ފޮނުވާލަން ހިތައް އެރުވިއަސް އެހިޔާލް ދޫކޮށްލައިފިން މިހާރު. މިހާރު އަހަރެންގެ ނިންމުން ބަދަލުވެއްޖެ. ބޭނުމީ އަމާޔާގެ ހަޔާތް ނުހަނު ވޭންދެނިވި ގޮތަކަށް ނިމިގެން ދިއުން. އަހަރެން މި ދުނިޔޭގައި ހުރިހާ ހިނދަކު، އާމިލާއަށް އުފަލެއް ލިބުނަކަ ނުދޭނަން. އޭނާގެ ހުރިހާ ނަސީބަކާއި ހިނިތުންވުމެއް އަހަރެން ފޭރިގަންނާނަން. މިއީ އަހަރެންގެ ފުރާނައިން ވާ ވަޢުދެއް!” ޝާއިރާގެ މުޅި މޫނު ނުފެނުނު ނަމަވެސް އޭނާގެ ކުޑަ ދެލޮލުން ފެންނަނީ ހިތްތަކަށް ބިރުވެރިކަން ގެނުވާފަދަ ނުބައި އަސަރެކެވެ. ވިހަ ހިނިތުންވުން ނުފެނުނު ނަމަވެސް އޭނާގެ ލޮލާއި ހަމައަށް އެ ހިނިތުންވުން ހުރީ ދެމިލާފައެވެ.
“ވެއިޓް، އަމާޔާ ސްޕެއިންއަށް؟” އެތަނުގައި އާޝިއުއާއި ޝާއިރާ އެދައްކަމުން ދާ ވާހަކައިގެ މުރާދެއް ސޯދިގަކަށް ނޭނގުނެވެ. އޭނާ އެކަމާއި ބެހޭގޮތުން އޮޅުން ފިލުވިއެވެ. ޖަވާބު ދިނުމުގެ ގޮތުން އާޝިއު ބޯޖަހައިލިއެވެ.
“ހޫމް، އަހަރެމެން ދެ މަސްވީ މިކަމަށް ޕްލޭން ކުރާތާ.. އެތައް ޑިސްކަޝަނަކަށް ފަހު އެންމެފަހުގެ ޕްލޭނަކަށް ވީ އަމާޔާ ކިޑްނެޕް ކޮށްގެން ޝާއިރާގެ އެކުވެރި ހޫގޯ ގެ ގާތައް ސްޕެއިންއަށް ފޮނުވާލަން.. އެކަމަކު މިއަދު ކުއްލިއަކަށް އަމާޔާ މަރާލަން ޝާއިރާ އެބުނީ..” އާޝިއު އަނެއްކާ ވެސް ބުނެލިއެވެ. ސޯދިގްގެ ހިތައް އެކަމުން އަސަރެއް ކުރިއެވެ. އޭނާގެ ހިތާއި ނަފްސަށް އުނދަގޫވެ، ހާސްކަން އިތުރުވަމުން ދިޔައެވެ. ދިރިހުރި ފުރާނައެއް ފަނާކޮށްނުލި ނަމަވެސް، ހައިކަލްގެ ކިބައިން ބަދަލުހިފިދާނެ އެތައް މަގެއް އޮތްކަމަށް ސޯދިގުގެ ޟަމީރު ބުނެދެމުން ދިޔައެވެ. އެހެންކަމުން، އޭނާ އަނެއްކާވެސް އެކަމާ ދެކޮޅުހެދިއެވެ. އެކަމަކު ޝާއިރާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އޭނާގެ ނިންމުން ބަދަލުކުރުމުގެ އެއްވެސް ނިޔަތެއް ނެތްކަން ހާމަކޮށް، ދެފަރާތަށް ބޯހޫރުވާލިއެވެ.
“ސޯދިގު ބޮލުގައި އެއްވެސް އިލްޒާމެއް އަޅުވާކަށް އަހަރެން ނޫޅެން. ސޯދިގުގެ މަސްއޫލިއްޔަތަކީ އަހަރެމެންގެ މި އަމަލުތަކުގެ ހުރިހާ ހެކިތަކެއް ފޮރުވައި ނައްތާލުން. ޢަމަލީގޮތުން މިކަން ކުރާނީ އަހަރެން. އާޝިއު ހުންނާނީ އަހަރެންގެ އެހީތެރިއަކަށް. މިގޮތް އެންމެ ރަނގަޅުތަ؟”
ޝާއިރާ ބުނެލިއެވެ. ހިތާއި ދެކޮޅަށް ވެސް އެންމެ ފަހުން ސޯދިގު އެކަމާއި އެއްބަސްވިއެވެ. އަނެއްކާ ވެސް ސޯދިގު އަހާލީ އަމާޔާ ސްޕެއިންއަށް ގެންދާ ވާޙަކަ ބުނުމުން އެކަމާއި ބެހޭ ގޮތުންނެވެ.
” އަހަރެމެން ފުރަތަމަ އެއްބަސްވީ އަމާޔާ ސްޕެއިންއަށް ފޮނުވާލުމަށް. ޒައީމްގެ ގާތް އެކުވެރިޔާ ހޫގޯއާއި ޝާއިރާއާ ދެމެދު ވެސް އޮންނަނީ ގާތް ގުޅުމެއް. ޒައީމަށް ސިއްރުން ޝާއިރާ އެވަނީ ހޫގޯއާއެކު މުއާމަލާތެއް ހިންގާފައި. އޭގެ ފައިދާ އަހަރެމެންނަށް ދެގޮތަކުން ކުރާނެ. އެއްގޮތަކީ އަމާޔާ އަހަރެމެންގެ ލޯމަތިން އެކަހެރިވުން. އަނެއްގޮތަކީ އޭނާ ހޫގޯއާ ހަވާލުކުރުމުން ބަދަލުގައި ލިބޭނެ ބޮޑު ފައިސާގެ އިނާމު. އެއީ ކިހާ ބޮޑު މަންފާއެއް! ހޫގޯގެ އަތްދަށަށް އަމާޔާ ދިއުމުން، އަލުން އެނބުރި ރާއްޖެއަށް އާދެވޭނެ އެއްވެސް މަގެއް ނޯންނާނެ. އޭނާ ހޫގޯއާ މުއްދަތެއް ނެތް ގޮތަށް ހަވާލުކުރިކަމުގެ ލިޔެކިޔުންތައް ވެސް ވަނީ ތައްޔާރުކޮށްފައި. އޭރުން ހުރިހާ ކަމެއް ނިމުނީ. އެއީ ކުރީގެ ރޭވުން. އެކަމަކު މިހާރު ޝާއިރާ ބޭނުންވަނީ އޭނާގެ ދުވަސް ދުއްވާލަން. އެހެންވީމާ، އަހަރެން ވެސް މިހާރު މިހުރީ ޝާއިރާގެ ނިންމުމާ އެއްބަސްވެގެން” އާޝިއު ޥާހަކަ ދެއްކިއެވެ. އެންމެފަހުން އޭނާ ވެސް ޝާއިރާގެ ނިންމުމާއި އެއްބަސް ވީއެވެ. އެހިސާބުން ސޯދިގު ވެސް ދެކޮޅު ހަދާކަށް ބޭނުމެއް ނުވީއެވެ. އެހެނަސް ހެކި ނައްތާލި ނަމަވެސް، ސީދާ އަމާޔާ މަރާލަން ނުދާނެ ކަމުގައި ސޯދިގު ފާޅުގައި ބުންޏެވެ. އެކަމާއި އެވަގުތުވެސް ޝާއިރާ ރުހިފައި ހުރެ ބޯޖަހައިލިއެވެ.
“ކޮބާ ޕްލޭންއަކީ؟” ސޯދިގް އަހައިލިއެވެ. އެއަށްފަހު ސޯދިގްއަށް ޝާއިރާ ކިޔައިދޭން ފެށީ އޭނާގެ ރޭވުމެވެ. ތަފްސީލާއިއެކުއެވެ. އެ ޖުމްލަތައް އިވި ހަށިން ހިސާބަކަށް ހީބިހި ހަލުވާލިއެވެ. އެ އަންހެން ކުއްޖާމަރަން އޭނާ ނުދިޔަ ނަމަވެސް އެ ކަމުގައި ކޮންމެވެސް ގޮތަކުން އޭނާއަށް އެބަ ބައިވެރިވެއެވެ. އެކަން އިޙްސާސް ވީވީހެން ހިތުތެރޭގައި ބިރުވެރިކަމެއް އުފެދުނެވެ.
އިތުރު ވާހަކައަކަށް ފުރުސަތެއް ނުލިބުނެވެ. ކާރާ ދިމާއަށް މަޑު ހިނގުމެއްގައި ހިނގަމުން އައި ކުޑަކުޑަ އަންހެން ކުއްޖަކު ފެނުމުން އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. އެއީ ހައިކަލްއާއި އާމިލާގެ ދަރިއެއްކަން ކަށަވަރުކުރަން ސޯދިގަށް އެންމެ ނަޒަރެއް ވެސް ފުދުނެވެ. އެ މައުސޫމު ސޫރައިން ފެންނަނީ އާމިލާގެ ސިފަތަކެވެ. މުޅި ކުއްޖާ ދާހިއްލާ ފޯވެފައި ހުރިއިރު، ލައިގެން ހުރި ކުޑަ ހެދުންކޮޅު ވަނީ ހަށިގަނޑުގައި ތަތްލާފައެވެ. ބުޅި އިސްތަށިކޮޅު ހޭވި، މޫނުމަތިން ފެންނަނީ އެތައް އިރަކު ރޮއެފައި ހުރިކަމުގެ ނިޝާންތަކެވެ. އަތުގެ މުލައްދަނޑިއާއި ހިސާބުން ރަތްވެފައި ހުރިއިރު މީހެއްގެ އަތުގެ ނިޝާން ފާހަގަވާން ހުއްޓެވެ. ބަލާބެލުމަށް ހީވަނީ އަނިޔާގެ ޝިކާރައަކަށް ވެފައިވާހެންނެވެ. އެ މަންޒަރު ފެނުމުން ސޯދިގުގެ ހިތަށް ކެތްނުކުރެވިގެން ނަޒަރު ދުރުކޮށްލަން މަޖުބޫރުވިއެވެ. ތުރުތުރު އަޅަމުންދިޔަ އަމާޔާ ފެނި، ހިތުގެ ކަނެއްގައި އުފެދުނު ހަމްދަރުދީގެ އޮއިވަރު ސޯދިގު ހިންދާލީ، ހައިކަލްއަށް އޭނާގެ ހިތުގައި އޮތް ނަފްރަތުގެ އަލިފާންގަނޑު ހަނދާންއާކޮށްލަމުންނެވެ.
އެމީހުންގެ މަސައްކަތް ފަށަން އާޝިއު ބުނީ ހުޅުމާލޭގެ ވާހަކައެވެ. ސޯދިގު ކާރުގެ މިސްރާބު ބެހެއްޓީ އެއް ނަންބަރު ފާލަމާ ދިމާއަށެވެ. މަދު މިނެޓުކޮޅެއްގެ ތެރޭގައި އެތަނަށް ދެވުނުއިރު، ސޯދިގުގެ އެދުމުގެ މަތިން އެމީހުންގެ އިންތިޒާރުގައި އޮތް ލޯންޗު ފާލަމާ ގާތްކޮށްލައިފިއެވެ. ރޮވެމުންދިޔަ އަމާޔާ ފެނުމުން، ލޯންޗުގެ ކައްޕިގެ ހިތުގައި ޝައްކުތަކެއް އުފެދުނީކަންނޭގެއެވެ. ސޯދިގަށް ވަކިން ގޮވާލުމަށްފަހު ސުވާލު ކުރަންއުޅުނެވެ. ނަމަވެސް، އޭނާއަކީ ސޯދިގުގެ ގާތް އެކުވެރިއަކަށް ވުމާއެކު، ދިއްކޮށްލި ފައިސާ ބޮނޑިއާއިއެކު ދޫ ބަންދުވެ، ހިމޭންކަން އިޚްތިޔާރުކުރިއެވެ.
“ވާނުވާ އަންގާލާނަން.. ކަލޭ ވާނެ މިމަސައްކަތް ރަނގަޅަށް ކުރަން” ލޯންޗު ދުއްވާލުމުގެ ކުރިން ޝާއިރާ ގޮވާލިއެވެ. އެހިސާބުން ސޯދިގު ބޯޖަހައިލިއެވެ. އަދި އޭނާ ފޮނުވާ ކާރެއް، އިންތިޒާރުގައި އެކޮޅުގައި އޮންނާނެ ވާހަކަ ބުނުމަށްފަހު އަވަސްވެގަތީ ފުލުސް އޮފީހަށް ދިއުމަށެވެ. އޭނާގެ މަސައްކަތަކަށްވީ ވީހާވެސް އަވަހަކަށް އަމާޔާއާއި ގުޅޭ ހުރިހާ ކެމެރާގެ މަންޒަރުތަކެއް ނައްތާލުމެވެ. ހައިކަލްގެ ގެއިން ފެށިގެން އެ ކާރު ދަތުރުކުރި ހުރިޙާ މަގަކުން ކާރު އަރާފައިވާ ހުރިހާ މަންޒަރުތައް ޝައްކު ނުވާނެހާ މޮޅަށް ފުހެލިއެވެ. ނުވިތާކަށް، ޝާއިރާގެ ފުށުން ބޭނުންވާ މައުލޫމާތު ހޯދައިގެން، ހައިކަލްގެ އަމިއްލަ ގެޔަށް ސިއްރުން ވަނެވެ. އަދި އަމާޔާ ގެއިން ނުކުމެގެން ކާރަށް އަރަން އައި ރާސްތާ އަރާހެން ހުރި ހުރިހާ ކެމެރާއެއްގެ މަންޒަރުތަކެއް ސިސްޓަމްތަކުން ފުހެލިއެވެ.
ޝާއިރާމެންނަށް ހުޅުމާލެ އާދެވުނު އިރު ސޯދިގު ފޮނުވި ކާރު ވެސް އޮތީ އިންތިޒާރުގައެވެ. ކާރުގައި އައި ޒުވާނާ ތަޅުދަނޑި ހަވާލުކޮށްފައި ދިއުމުން، ކާރަށް އަރައި އޭގެ މިސްރާބު ޖެހީ މީހުން އުޅޭ ހިސާބާ ދުރަށެވެ. އެއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިޔަ އިމާރާތްތަކާއި ފްލެޓްތަކުގެ މަސައްކަތް ފެށިގެން ހިނގަމުންދިޔަ ދުވަސްވަރެވެ. ބިނާކުރަމުންދިޔަ ފަޅު އިމާރާތްތައް ފަހަނައަޅައި، ކާރު ދަތުރުކުރަމުން ދިޔައީ ގަސްކަރަ ބޯ، ފަޅު މަގުތަކަށެވެ. އެއީ އެކަހެރި ސަރަހައްދަކަށް ވުމުން، އެތަނުގައި ހިންގާ އެއްވެސް ޖަރީމާއެއްގެ ޚަބަރު މީހުން އުޅޭ ހިސާބަށް ފޯރުމަކީ މުސްތަހީލު ކަމެކެވެ. ކިތަންމެ ވަރަކަށް ހަޅޭއްލަވައި ސަލާމަތަށް އެދުނަސް، އެ އަޑު އިވޭނެ ފަދަ ދިރޭ ފުރާނައެއް އެ ހިސާބަކު ނެތެވެ. އިރުގެ ރަން އަލިކަން އޮއްސި، ދުނިޔެ މައްޗަށް ކަނު އަނދިރިކަން ވެރިވަމުން ދިޔަ ވަގުތެވެ. ބޭރުން ފެންނަމުންދިޔަ ބިރުވެރި އަނދިރިކަމުން، ތުއްތު އަމާޔާގެ ހިތް ބިރުން ގުޑަމުންދިޔަކަން އޭނާގެ ކުޑަކުޑަ ދެލޮލުން ފާޅުވަމުން ދިޔައެވެ.
“ޕްލީޒް.. ކޮއްކޮ ބިރުގަނޭ.. ގެއަށް..ގެއަށް” އަމާޔާގެ އަޑު ނުކުތީ މަޑު ތުރުތުރެއްގެ ތެރެއިންނެވެ. އޭނާގެ އެ މައުސޫމު އާދޭހުން ޝާއިރާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭގެ ބަދަލުގައި، އެ އަޑު އިވުމުން ޝާއިރާގެ ރުޅިގަނޑު އިތުރަށް ހިލިގެން ދިޔައެވެ.
“އޭތް! އަނގަމަޑުލައިގެން އިނދޭ!” ޝާއިރާ ހަޅޭއްލަވައިގަތެވެ. ކާރު މަޑުކޮށްލުމަށްފަހު، އޭނާ ފަހަތު ސީޓަށް ފޭބިއެވެ. ބިރުން ފިތްކަނޑައިގެން ގޮސްފައި އިން އަމާޔާގެ ބޮލުގައި، ޝާއިރާ އޭނާގެ މުށްކެވުނު އަތުން ދެތިން ބޮނޑި އަޅާލިއެވެ. އެ ބާރުގަދަ ހަމަލާތަކަށް އެ ތުއްތު ހަށިގަނޑު ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އިޙްސާސްކުރަން ޖެހުނު ތޫނު ތަދާއިއެކު އަމާޔާގެ ގިސްލުމުގެ އަޑު ކާރު ތެރޭގައި ގުގުމާލިއެވެ. ނަމަވެސް، އެ ގިސްލުމުގެ އަޑުން ޝާއިރާގެ ހިތުގައި އުފެދުނީ އިތުރު ނަފްރަތެކެވެ. އޭނާގެ އިންސާނިއްޔަތުކަން ކެނޑި، ދެއަތުން އަމާޔާގެ ހަށިގަނޑުގެ އެކި ތަންތަނުގައި ބާރަށް ތަޅަމުން ދިޔައީ އެއްވެސް ރަހުމެއް ނެތް ފަދައިންނެވެ.
“ހުއްޓާލާ! މިބުނީނު ހުއްޓާލާށޭ! އަޑެއް ނީވޭތަ ކުޑަ ކުއްތ*ޔ*! އޭންން!” ޝާއިރާގެ އަޑު މުޅި ކާރު ތެރޭގައި ގުގުމާލީ ނުހަނު އަނިޔާވެރިކަމާއެކުގައެވެ. “**ގެ ކަލޭގެ މަންމަގެ ސުންޕާކަމުން މިއަދު މި ހުރިހާ ތަކުލީފަކާއި ތި ކުރިމަތިލާން މިޖެހުނީ. ވިހޭ ތަނުން މަރުވިނަމަ ކިހާ ރަނގަޅުވީސް! ކަލެއަށް އެނގޭތަ؟ އާމިލާއަކީ މި ދުނިޔެމަތިން އަހަރެން އެންމެ ނަފްރަތުކުރާ އިންސާނާއޭ!. އޭނާ މަރާލުމަށްވުރެ ބޮޑަށް އަހަރެން ބޭނުންވަނީ އޭނާ ދުނިޔޭގައި ހުރެ ގަނަތެޅި ކަރުނަ އަޅާ މަންޒަރު ދެކެން. އޭނާއަކީ އަބަދުވެސް ވޭނާއި ކެކުޅުމުގައި އުޅެންޖެހޭ ސުންޕާ އަންހެނެއް. އަހަރެންގެ އަލަތު ލޯބި ފޭރިގަތީ އޭނާ. ނުވިތާކަށް އަހަންނަށް ލިބެން އޮތިއްޔާ އޮތްހާ އުފަލެއްގެ ހުރަހަކަށްވެ، އަހަރެންގެ ހުރިހާ އުއްމީދެއް ވެސް ފުނޑުފުނޑުކޮށްލީ އެ ނުބައި އާމިލާ. ކަލޭ މަރާލާނީ މި ހުރިހާ ސިއްރުތަކެއް ކަލެއާއިއެކު ވަޅުލައިގެން. އޭރުންނެއްނު ކަށްވަޅުގައި ވެސް ކަލެއަށް ހަމަޖެހިލައިގެން އޮވެވޭނީ!” ޝާއިރާ މޮޔައެއް ފަދައިން ހަޅޭއްލަވަމުން ގެންދިޔައެވެ. އަމާޔާ ގިސްލާ ރޮމުންދިޔައެވެ. ލިބެމުންދިޔަ ވޭނާއި ބިރުވެރިކަމުން މުޅި ހަށިގަނޑު ތުރުތުރު އަޅަމުންދިޔައިރު، އެ ކުޑަކުޑަ ފުރާނައަށް ވަނީ ނޭވާލާން ވެސް ދަތިވެފައެވެ.
“ޝާއިރާ މަށައް ފެންނަނީ މިކަން އަވަހަށް ނިންމާލަން .. މިދިމާލު ބިއްދޮށުން އަހަންނަށް މީހެއްގެ ހިލަން ވެއްޖެ.. އިރުކޮޅެއް ކުރިން ހަމަ އެކޮޅުން ކާރެއް ކަމެއް ނުވަނަ ސައިކަލެއް ކަމެއް ނޭނގެ، އުޅަނދެއް ހުއްޓުނު އަޑު ވެސް ހީވި އިވުނުހެން” އާޝިއު ބޭރުބަލަމުން ދިޔައީ އޭނާއަށް ހީވި ހީވުން ޔަގީން ވޭތޯއެވެ. އެހެނަސް މީހެއްގެ ހިލަމެއް ނުވުމުން އެއީ ކުށްހީއެއްކަމަށް ބަލާފައި ޝާއިރާއަށް އެކަން އަންގާލިއެވެ. ތިބެވުނީ ވެސް އަނދިރި މަގެއްގެ މެދުގައެވެ. ދެފަރާތުގައި އޮތީ ގަސްތަކެވެ. އަނެއްކޮޅުން އެހާ ފަޅު ހިސާބަކަށް މިވަގުތު އަންނާނީވެސް ކާކުހެއްޔެވެ. އާޝިއުގެ ހިތުގައި އުފެދުނު ކުޑަ ބިރުވެރިކަން ފުހެލަމުން ދެފަރާތައް ބޯހޫރުވާލިއެވެ.
ޝާއިރާ އިޝާރާތް ކޮށްލީ އޭނާގެ ދަބަހަށެވެ. ޝާއިރާގެ ބޭނުން ނަގައިގަނެވިގެން އާޝިއު އެދަބަހުގެ އެތެރެ ހޯދާލާފައި ނެގީ ސިރިންޖަކާއި ކުޑަ ފުޅިއެކެވެ. ޝާއިރާގެ އަތައް އެ ތަކެތި ދިއްކޮށްލުމުން ފަރިތަކަމާއިއެކު ފުޅީގައި ހުރި ސާމާނު ސިރިންޖަށް ފުރާލިއެވެ. އޭނާ، އަމާޔާއަށް ބަލައިލިއެވެ. އޭރު އަމާޔާ އިނީ ބިރުން ފިއްކަނޑައިގެންގޮސްފައި އިންފަދަ ނަޒަރެއް ދީގެންނެވެ. އެހެން އިނދެފައި ހަމަޖެހިލަން މަސައްކަތް ކުރަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެހެނަސް އާކަރުނުން ދެލޯ ވަނީ ބަރާވެފައެވެ. ޝާއިރާގެ އަތުން އަނިޔާއެއް ލިބިދާނެ ކަމަށް ބަލާފައި، ސުވާލު ނުކުރުމަށް އަމާޔާ ދިޔައީ އެއިން ގެއްލުމެއް ލިބޭނެ އެއްޗެއް ނޫން ކަމުގައި އަމިއްލަ ހިތައް ވިސްނައިދެމުން ކަހަލައެވެ. ކުރެވޭ އެންމެ ކަމަކުން ވެސް ޝާއިރާ އަނިޔާ ކޮށްފާނެކަން ތުއްތު ކުއްޖާ ދަނެއެވެ.
ޝާއިރާ އެއްވެސް ރަހުމެއް ނެތި، އެ ތޫނު ކަށި އަމާޔާގެ އަތުގެ މަސްގަނޑަށް ހަރާލިއެވެ. ތޫނު ތަދެއް އިހުސާސްވީ ނަމަވެސް، އިނީ ކެތްތެރިވެލައިގެންނެވެ. ބޭހުގެ ނުރައްކާތެރި އަސަރުތައް ފެންނަން ފެށީ ދިހަވަރަކަށް މިނެޓު ހިނގި ފަހުންނެވެ. އަމާޔާގެ ހަށިގަނޑު މަޑުމަޑުން އައްސިވެ، ވަށައިގެންވާ މާހައުލާ އޭނާ ވަކިވަމުންދާ ކަހަލަ އިހުސާސެއް ކުރެވެން ފެށިއެވެ. ލޮލުގެ ފެނުން ފުސްވެ، ކަންފަތާއި ސިކުނޑީގެ ތެރޭގައި އެތައް އަޑުތަކެއް ހީވީ ގުގުމަމުން ދާން ފެށި ހެންނެވެ. ބޮލަށް އެނބުރުން އަރައި، އަމިއްލަ ހަށިގަނޑުގެ ބާރު ކެނޑެމުންދާކަން އޭނާއަށް އިހުސާސް ކުރެވެމުން ދިޔައެވެ.
“ވަގުތު ޖެހިއްޖެ، އަވަސްކުރޭ” އާޝިއު ކާރުން ފައިބައިގެން އައިސް އަމާޔާ އިން ފަޅީގެ ދޮރު ހުޅުވާލިއެވެ. އޭރު އަމާޔާއަށް އިނީ ހަށިގަނޑު ސީދާކޮށްލަން ވެސް ނުކުޅެދިފައެވެ. އޭނާގެ ހިއްސުތަކަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ބޮލަށް އެނބުރުން އަރައި، ހޭވެރިކަން ފިލާދާން އުޅޭ ފަދަ އާދަޔާޚިލާފު ކެކުޅުމެއް އޭނާގެ މުޅި ހަށިގަނޑުގައި ދައުރުވަމުން ދިޔައެވެ. އާޝިއު އަމާޔާގެ އަތުގައި ހިފައި ކާރުން ބޭރަށް ދަމައިގަތްއިރު، ދެފައިގައި ކޮޅަށް ހުންނާނެ ވަރު ވެސް ނެތެވެ. މުޅި ދުނިޔެ އެނބުރެމުންދާ ކަހަލަ ބިރުވެރި އިހުސާސެއް ކުރެވެމުން ދިޔައެވެ.
“ތަދުވެއޭ، ބޭބޭ” އާޝިއުގެ ހަރުކަށި އަމަލުތަކުން ވޭން ލިބެން ފެށުމުން، އަމާޔާއަށް އަނެއްކާވެސް ރޮވުނެވެ. ނަމަވެސް އާޝިއުގެ ހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނެތެވެ. އޭނާ ނުރުހުމާއެކު އަމާޔާގެ އަނގަމައްޗަށް ބާރު ހަމަލާއެއް ވީއްލާލިއެވެ. ބާރުހުރި ފިރިހެނެއްގެ ކުރިމަތީގައި ކުޑަ އަންހެން ކުއްޖަކަށް ދެއްކޭނީވެސް ކޮން ހިތްވަރެއް ހެއްޔެވެ. އެ އަނިޔާވެރި ހަމަލާއަށް ކެތްނުކުރެވި، އަމާޔާ ބިންމައްޗަށް ވެއްޓުނެވެ. ޖެހި އިންޖެކްޝަނުގެ ސަބަބުން މުޅި ހަށިގަނޑު އައްސިވެ، ހަރަކާތް ހުސްވަމުން ދިޔައިރު، އެ ހަމަލާތަކުން އޭނާގެ ހޭވެރިކަން ހުރީ ކިރިޔާއެވެ.
އެވަރުން ވެސް އެ އަނިޔާވެރިންގެ ހިތެއް ނުފުރުނެވެ. އާޝިއު އެ ތުއްތު ކުއްޖާގެ އިސްތަށިގަނޑުގައި ހިފައި، ހިލަ މަގުމަތީގައި ދަމަމުން ގެންގޮސް މަގުމެދަށް ހޫރުވާލިއެވެ. ވިހަ ހިނިތުންވުމެއްގައި ހުރެ ކާރުންގެ ބިއްލޫރިގަނޑުން ބޭރަށް ޝާއިރާ ބޯ ދިއްކޮށްލިއެވެ. އާޝިއު އަމާޔާގެ ބަނޑުގައި ޖަހަން ފައި މަޅާލި ހިނދު، އޭނާ ގޮވާލިއެވެ. އަދި އަމާޔާ އެ އޮތް ގޮތަށް ބޭއްވުމަށްފަހު ދުރަށް ޖެހިލުމަށް އަމުރުކުރިއެވެ.
އާޝިއުގެ ފިނި އިޝާރާތާއެކު، ޝާއިރާ ކާރު ދުއްވާލަމުން ދުވެލި ހަލުވިކޮށްލިއެވެ. ހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނެތް ޝާއިރާ، އެއްވެސް ފަސްޖެހުމެއް ނެތި އަމާޔާގެ ގައިގައި ކާރުން ޖެއްސީ ނުހަނު އަނިޔާވެރިކަމާއެކުގައެވެ. އެ ބާރުގަދަ ހަމަލާއާއެކު، އަމާޔާގެ ކުޑަކުޑަ ހަށިގަނޑު ވައިގެ ތެރެއަށް ވިއްސައިގެން ގޮސް ޖެހުނީ މާދުރަށެވެ.
ކަޅު ރަތް ލޭގަނޑު ބިންމައްޗަށް އޮހޮރިގަންނަން ނެގީ މަދު ސިކުންތުކޮޅެކެވެ. އަމާޔާގެ މޫނުމަތިން އެއްވެސް ހޭވެރިކަމެއްގެ އަސަރެއް ނުފެނެއެވެ. ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތި، މަރުގެ ހިމޭންކަން އެ ސޫރައަށް ވެރިވެފައިވާ ކަހަލައެވެ. އެ މައުސޫމު ފުރާނަ އެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެގެން ދިޔަ މަންޒަރު ފެނުމުން ހިލަ ހިތެއްގެ ވެސް ކެތްތެރިކަން ކޮޅުންލާނެއެވެ.
****
(މިހާރު)
****
“މިއީ ވެގެން ދިޔަ ގޮތަކީ..” ސޯދިގު ކިޔައިދިން ވާހަކަތަކުން އިޔާންގެ މޫނު ވަނީ ހުދުވެފައެވެ. ދެރައާއި ހިތާމަ އަދި ރުޅިން މައްސުނިވެފައިވާ އެތައް އަސަރުތަކަކުން އެ މޫނު މަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. ދެލޮލުގައި ކަރުނަތައް ބޮނޑިވެފައި ވީއިރު އަތް މުށްކަވަރުވާލެވުނެވެ. ސޯދިގުގެ ކޮންމެ ޖުމްލައެއް އެތައް ފަހަރަކު ސިކުނޑީގައި ގުގުމަމުން ދިޔައިރު، ބޮލަށް އެނބުރުން އަރައިގަތެވެ. އެ ހުރިހާ ވާހަކަތަކަށް އިތުރު ހެއްކެއް ލިބުނީ، އެ ދުވަހު އަމާޔާ ގޮވައިގެން ހުޅުމާލެއަށް ދިޔަ ލޯންޗަށް އެމީހުން އެރި ވަގުތު ސޯދިގު ސިއްރުން ނަގާފައިވާ ފޮޓޯއެއް ފޯނުން ދެއްކުމުންނެވެ. ޝާއިރާއަށް ވެސް ނޭނގޭނެހެން ނަގާފައިވާ އެ ފޮޓޯ އިޔާންގެ ފޯނަށް ފޮނުވާލުމުން އޭނާ ރަނގަޅަށް ބަލައިލިއެވެ. އޭގައި ނުހަނު ސާފުކޮށް، އަމާޔާ އަދި ޝާއިރާއާއި އާޝިއުގެ މޫނު ފެންނަން ހުއްޓެވެ.
“ގަބޫލު ކުރަން އުނދަގޫ ވެދާނެ މީ ހަގީގަތް..މަށައް ވަރަށް އުނދަގޫވޭ އެބަ މި ފޮރުވުނީމަ ވެސް.. ” އެންމެފަހުން އެކަމާއި ދެރަވާކަމަށް ސޯދިގު ނުގޮތަކަށް އިއުތިރާފްވެއްޖެއެވެ.
“އަމާޔާގެ ގަޔަށް ޖެހީ ކޮންކަހަލަ އިންޖެކްޝަނެއް؟ މިބުނީ ކޮންކަހަލަ ވިހައެއްއެއީ؟”
“ކެޓަމީން”މަހުދީ އަހާލުމުން ސޯދިގް ޖަވާބުދިނެވެ.
“ދެން ކިހިނެތް ވީ؟” ސޯދިގްގެ ވާހަކައަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އިޔާން އެހިއެވެ.
އޭރު ސޯދިގަށް އަމާޒުވެފައިވާ ރުޅިވެރިކަން ކޮންމެވެސް ވަރަކަށް މަޑުވެ، ހަގީގަތް ހޯދުމުގެ ޝައުގުވެރިކަން ވަނީ އިތުރުވެފައިވެއެވެ.
” ދެން އޮތީ ޕްލޮޓް ޓްވިސްޓް.. މި ހުރިހާ ކަމެއް ހިނގައިގެން ދިޔައީ، ޝާއިރާއާއި އާޝިއުގެ ގުޅުމާ މެދު ޒައީމް ނުހަނު ބޮޑަށް ޝައްކުކުރަމުން ދިޔަ ދަނޑިވަޅެއްގަ. އެދުވަހުވެސް އެމީހުންގެ ހަރަކާތްތަކަށް ޝައްކުކުރަމުން ދަނިކޮށް، އެމީހުން، އަހަރެންނާއި ބައްދަލުކުރަން އުޅޭކަން އެނގުނީ. ޒައީމް ފާރަލި އަދި އެ ހުރިހާ މަންޒަރެއް ފެންނަން ވެސް ފެނުނު… އެގޮތުން އެމީހުން އެގެއިން ނުކުމެ އަހަރެންގެ ކާރަށް އެރި މަންޒަރާއި އަމާޔާ އައިސް ކާރަށް އެރުމުން އޭނާ ގޮވައިގެން ދިޔަ މަންޒަރު ފެނުނު. ޒައީމް ވެސް އޭނާގެ އަމިއްލަ އުޅަނދުގައި ފަހަތުން މިސްރާބު ޖެހި. ހުޅުމާލެއަށް ވެސް އޭނާ ދިޔަ ފާރަލަމުން. އޭރު އަހަރެމެންނަކަށް ނޭނގޭ އެއިން ކަމެއް.. މީހެއްގެ ލޯ އަހަރެމެންނަށް ހުއްޓިފަހުރި ކަމުގެ ހިލަމެއް ވެސް ނުވޭ.. ކުރިން ބުނިހެން، އާޝިއުއަށް ވަލުތެރެއިން މީހެއްގެ ހިލަންވި ކަމަށް ހީވި ހީވުން އެއީ ކުށްހީއެއް ނޫން. އެއީ ޒައީމް ދުއްވި ބަގީގެ އަޑު. އެއީ ބެޓެރިން ދުއްވާ އެއްޗަކަށް ވާތީ މާ ބޮޑު އަޑެއް ނީވޭނެ. އަނެއްކޮޅުން އޭނާ އައީ ލައިޓްތައް ނިއްވާލައިގެން، އެމީހުންނާ ދުރުން. އެހެންވީމަ އޭރުވެސް ޝާއިރާ މެންނަކަށް ނޭނގޭ ޒައީމް ފާރަވެރިވަމުން ދިޔަކަމެއް.. ޝާއިރާމެން ކާރު މަޑުކޮށްލުމުން، ޝައްކުވެދާނެތީ އޭނާ ބަގީ މަޑުކޮށްލީ ގަސްތަކުގެ ތެރެއަށް. އަމާޔާއަށް އާޝިއު ކުރި އަނިޔާތަކާއި، ޝާއިރާ ކާރުން ޖެއްސި ރަހުމުކުޑަ މަންޒަރު ވެސް އޭނާއަށް ފެނުނު” ސޯދިގު ކިޔައިދެމުން ދިޔަ ވާހަކަތަކުން އިޔާންގެ ހިތަށް ކުރަމުންދިޔައީ ބަޔާންކުރަން ދަތި އަސަރެކެވެ. ނޭވާލާން އުނދަގޫވަމުން ދިޔަގޮތުން ހީވީ މޭފިތިގެންދާހެންނެވެ.
“ދެން ކީއްވެ ތިބުނާ ޒައީމެއް އައިސް އަމާޔާ ސަލާމަތް ނުކުރީ؟ އޭތް!” ލޭކެކިފައިވާ ހާލު، ކެތްތެރިކަން ކޮޅުންލައިގެން ގޮސް މަހުދީ ހަޅޭއްލަވައިގަތެވެ.
“ކަލޭމެން ހީކުރީ ޒައީމް، އެ ކުއްޖާ ސަލާމަތްކުރަން މަސައްކަތް ނުކުރަނީ ކަމަށްތަ؟ އެހެން ނޫން ނަމަ، މިއަދު އޭނާ އެހެން ޕެރެލައިޒްވެފައި އޮންނާކަށް ނުޖެހުނީސް!” ސޯދިގު ޖަވާބު ބުންޏެވެ.
“އޭތް! ޕެރެލައިޒްވީއޭ؟” ލިބުނު ސިހުމާއި އެކު އިޔާންއަށް ބާރަށް އެހުނެވެ. އުދާސީ ނޭވާއަކާއި އެކު ސޯދިގު ބޯޖަހައިލިއެވެ.
“އާންން، އަމާޔާގެ ގައިގައި ކާރުން ޖެއްސި މަންޒަރު ޒައީމަށް ފެނުނު. އޭނާ ހުރީ ފުދޭވަރަކަށް ދުރުގަ. އަމާޔާ މަރާލަން އުޅޭކަމެއް އޭނާއަކަށް ނޭނގޭ. އޭނާ ހީކޮށްގެން ހުރީ އެއީ ހަމައެކަނި ބިރުދެއްކުމެއް ކަމަށް. އާޝިއު އަމާޔާގެ ގައިގައި ތަޅަން ފެށުމުން، އެކަން ހުއްޓުވަން ދާން އޭނާ ބޭނުންވި-” ސޯދިގުގެ ވާހަކަ މެދުކަނޑާލީ އިޔާންގެ ރުޅިވެރި ހަޅޭކުގެ އަޑުންނެވެ. ކެތްތެރިވެ އެވާހަކަތައް އަޑުއަހަން މަސައްކަތް ކުރި ނަމަވެސް އެތެރެހަށި ހީވީ ރޫޅިގެން ހިނގައިދާނެހެންނެވެ. އަމީރާ އެދުވަހު އޮތް ނިކަމެތި ހާލު ހިތައް ސިފަކުރަން ވެސް ދައްޗެވެ. ލޮލުން ކަރުނައިގެ ތިކިތައް ނިރާލިއެވެ.
“ކީއްވެހޭ އޭނާ ހަނުހުރީ؟ މި ދައްކަނީ އޭރު އުމުރުން އެންމެ ފަސް އަހަރުގެ ތުއްތު ކުއްޖެއްގެ ވާހަކައޭ! އެއަންހެންކުއްޖާ އެފަދަ ބޮޑު އަނިޔާއެއް ތަހައްމަލު ކުރަމުން ދިޔައިރު، ޒައީމް ފިލާ ހުރީ ކޮން ކަމެއް ސާބިތުކޮށްދޭން؟ ބިރުގަތީތަ؟ ނޫނީ ކޯޓުވެދާނެ ކަމުގެ ބިރަށްތަ! އޭނާއަށް ފިރިހެނަކަށް ވެސް ނުވެވުނުތަ؟” އިޔާންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓި، ސޯދިގުގެ ޔުނީފޯމުގެ ގިރުވާނުގައި ހިފައި ދަމައިގަތެވެ. ނަމަވެސް، ނުހަނު އުނދަގުލުން ސޯދިގު، އިޔާންގެ އަތް ފޮޅުވާލައި އޭނާ ދުރަށް ޖެއްސިއެވެ.
އޭރު ސޯދިގުގެ މޫނުމަތިން ފެނުނީ ބިރުގަނެފައިވާކަމުގެ އަސަރުތަކެކެވެ. ގިރުވާނުގައި ހިފާ އިޔާން ދެމިގޮތުން ކަރުން ދިލަ ނަގަމުންދިޔައެވެ. އަވަސްވެފައިވާ ނޭވާތައް ހަމައަކަށް އަޅުވާލަމުން އޭނާ ބަލައިލީ އިޔާންގެ މޫނަށެވެ.
“ހަމަޖެހޭ އިޔާން! ގަބޫލު ކުރެވޭ ރުޅިއައުން ހައްގުކަމަށް! އެކަމަކު އެންމެ ފަހުވަގުތާއި ޖެހެންދެންވެސް ޒައީމް މަސައްކަތްކުރީ އަމާޔާ ސަލާމަތްކުރާށޭ!. އެކަން ނާކާމިޔާބުވީ އަހަރެންގެ ސަބަބުން” ސޯދިގު އިސްޖަހާލަމުން ބުންޏެވެ. “އިޔާން..އަހަރެން ދައްކާ ވާހަކަ ކެތްތެރިކަމާއެކު އަޑުއެހުން މިވަގުތަށް ބުއްދިވެރީ. ޒައީމް ބެލީ އަމާޔާގެ ގައިގައި އާޝިއު ޖަހަނިކޮށް ހެއްކެއް ހޯދޭތޯ. އޭނާ ބޭނުންވީ އެ ހެކިތަކާއެކު އަމާޔާ ސަލާމަތްކޮށް، އާޝިއުއާއި ޝާއިރާ ހައްޔަރުކުރަން. ހީވޭތަ ހެއްކެއް ނެތި ޝާއިރާގެ ނުބައި ވާހަކައެއް މީހަކު ބުންޏަސް އާމިލާ ގަބޫލުކުރާނެހެން؟ ނޫން، އެއްގޮތަކަށްވެސް ގަބޫލެއް ނުކުރާނެ. ޝާއިރާގެ މަކަރުވެރިކަން ނޭނގި، އޭނާއަށްޓަކައި އާމިލާ އެއުޅޭ ގޮތް އެ ގޭގައި އެންމެ މިނެޓަކު ހޭދަކޮށްލާ ކޮންމެ މީހަކަށްވެސް ފެންނާނެ. އެހެންވީމާ، ހެއްކެއް ނެތި ޝާއިރާގެ ގޯސް ސިފައެއް އާމިލާ ގަބޫލުކުރުމަކީ ނުވާނެ ކަމެއް. އެރޭ ޒައީމް ވަގުތުން ގޮސް އަމާޔާ ސަލާމަތްކުރަން އުޅުނަސް، ޝާއިރާ އެކަން ދޮގުކުރާނެ. އަދި އާމިލާ ގަބޫލުކުރާނީ ޝާއިރާގެ ބަސް. އަނެއްކޮޅުން ގޭގެ ހުރިހާ ސީސީޓީވީ ފޫޓޭޖުތަކެއް އަދި ފުލުސް އިދާރާއިން ލިބެން ހުރި މަގުމަތީގެ ފޫޓޭޖުތައް ވެސް ފުހެލީ އަހަރެން. އަދި އަހަރެން ނޫން މީހަކަށް އެ ރިކަވަރ ކުރެވޭނެ ގޮތެއްވެސް ނޯންނާނެ” ސޯދިގް ކިޔައިދިނެވެ. އެވާހަކަ ތަކުން އިޔާންގެ ރުޅި ފިނިވާގޮތްވިއެވެ. އެކަންކަމާއި މެދު ވިސްނުން ހިންގާލެވުނެވެ. މަހުދީ ވެސް އިޔާންގެ މޫނަށް ބަލައިލުމަށްފަހު ބޯޖަހައިލީ ހަމަޖެހިލުމަށް އިޝާރާތްކޮށްލާ ފަދައަކުންނެވެ.
“އެކަން ކާމިޔާބު ވި.. މިބުނީ އޭނާގެ ފޯނުން ވީޑިއޯ ނެގި.. ދެން ހަމަ އެންމެ ސިކުންތެއް ވެސް ލަސްނުކޮށް އޭނާ ދުއްވައިގަތް އެމީހުންނާއި ދިމާލަށް.. އިޔާން މެންނަށް ފަހަރުގަ ނޭނގިދާނެ ، އެކަމަކު އޭރު އެހިސާބަކީ ވަރަށް އަނދިރި ހިސާބެއް.. ގިނަ ހިސާބުތަކުގެ ހޮޅިބުރި ނުބަހައްޓާ ހުންނާނީ.. އަނެއްކޮޅުން މީހެއްގެ ހިލަމެއް ނުވޭ.. ވަލުތެރެއިން މަގުމައްޗަށް ނުކުމެވުނު ވަގުތު ވީ އަމާޔާގެ ގައިގާ ކާރުން ޖައްސާފަ، ކާރުގެ ދޮރުފަތުން ޝާއިރާ ބޯ ނެރެގެން އޮވެ އާޝިއުއަށް ގޮވަމުން ދިޔަ ވަގުތައް.. އަމާޔާ މަރުވީ ކަމަށް ހީކޮށް އެތަނަށް ދޫކޮށްލާފައި ޝާއިރާމެން ފިލީ. އެމީހުން ދިއުމުން ޒައީމް ގޮސް އަމާޔާގެ ގައިގައި އަތްލިއިރު ކިރިޔާ ވިންދު ހުރީ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާގެ ހުރިހާ އިންތިޒާމެއް ފުރިހަމަކުރީ ޒައީމް. އެތަނުގައި ހުރެފަ އޭނާ އަހަންނަށް ގުޅީ. ” ސޯދިގު ހިތްދަތި ގޮތަކަށް ތުންފިއްތާލިއެވެ.
“ޝާއިރާމެންނާއި އެއްކޮން އަމާޔާގެ ގައިގާ ކާރުން ޖައްސާ އެކްސިޑެންޓުކޮށްލަން އެތަނަށް ނުދިޔަ ނަމަވެސް، އެމީހުން ހުޅުމާލެއަށް ދިއުމާއި ހަމައަށް އެމީހުންނާއި އެއްކޮން އަހަރެން އުޅުނުކަން އެނގިހުރެ ޒައީމް ގުޅީ.. އަހަރެން ދިޔައީމަ، އޭނާ އަހަރެމެންނަށް ފާރަލީ ގޮތާއި، އަމާޔާއަށް ހެދި ގޮތް ފެނުނު ކަމަށް ބުނެދިން.. އަހަރެންނަށް ލަދުން އިސްއުފުލާލަން ވެސް ނުކުޅެދިފަ ހުރެވުނީ..އެހެންދޯ ވާނީވެސް، އޭރު އަހަންނާއި ޒައީމް ވަރަށް އެކުވެރިވާނެ ވިއްޔަ… އެވަގުތު ވެސް އޭނަ ދެކުނީ އަހަރެންނަކީ އޭނަގެ ވާރަށް ގާތްމީހެއްގެ ގޮތުގައި ކަމުން، އެންމެފަހު ވަގުތުވެސް ހެވާއި ނުބައި ބުނެދީ ރަނގަޅަށް ވިސްނައިދީގެން އެކަމުން އަހަރެން ސަލާމަތް ކޮށްދޭން މަސައްކަތް ކުރަންފެށީ.. އަދި އާޝިއުއާއި ޝާއިރާގެ ނުބައިކަން އެންމެނަށް ހާމަކުރަން އެހީވާން ޒައީމް އެދުނީ.. ޒައީމްގެ އެހެޔޮކަމުން ހިތައް އަސަރުވެސް ކުރިން.. އޭނާގެ ދުޝްމަނުން ފަހަތުން ދުވީމަ ވެސް އަހަންނަށް ހެއޮއެދުނީ ވިއްޔަ.. އެކަމަކުވެސް އަހަންނަށް ވަރަށް ގޯސްކޮން ކަންތައް ކުރެވުނީ.. އަހަރެމެން ދެމީހުންގެ ޒަމާންވީ އެކުވެރިކަމަށް ނިމުން ގެނައީ އަހަރެން.. ” ސޯދިގު ކިޔައިދެމުންދިޔައެވެ.
“ޒައީމް އަހަރެންގެ ކައިރީގަ ބުނި އެރޭ ނެގި ވީޑިއޯގެ ވާހަކަ.. އަހަރެން އެގަޑީގަ އުޅުނިން އޭނައާއި ބައިވެރިވެ އެހީވާން ވެސް.. ދެން ހަމަ ކުއްލިއަކަށް ހަނދާންވީ ކަމެއްގެމަތިން.. އަހަންނަށް ކުރެވުނު އެމޮޔަ ކަންތަކާއި ހުރެ، ޒައީމްއަށް އެހީވުމުގެ ބަދަލުގަ އަނެއްކާ ވެސް ޝާއިރާމެންގެ ޕްލޭންގެ ފަހަތުން ދުވަން ފާޑަކަށް މަޖުބުރުވީ.. އެރޭ ޝާއިރާމެން ދުއްވީ އަހަރެންގެ ނަމުގަ ރެޖިސްޓަރ ކޮށްފަ އިން ކާރެއް. ޒައީމްގެ ވީޑިއޯއިން ވަރަށް ރީތިކޮން ނަމްބަރު ބޯޑުފެނޭ.. އެރޭ އެ ކާރު ވަކިކުރަން ނޭނގޭ ވަރަށް އެމީހުން ހަލާކުކޮށްލި ނަމަވެސް، ވީޑިއޯއިން ނަންބަރު ފެންނަނަމަ، އޭގެ ވެރިފަރާތަކީ އަހަރެންކަން ފަޅާއަރާނެތާ. އެހެންކަމުން، ޒައީމްގެ ގާތުން އަހަރެން އެރޭ ދިޔައީ އޭނާގެ ހުށަހެޅުމަށް އެއްބަސްވި ކަމަށް ހެދިގެން ހުރެ، ސިކުނޑީގައި އެހެން ރޭވުމެއް ރާވައިގެން. ނުވިތާކަށް އޭނާގެ އަތުން އެ ވީޑިއޯ ވެސް އަތުލައިގެން. ރޭވުމެކޭ މިބުނީ ޝާއިރާގެ ގާތުގައި އަމާޔާ ހޮސްޕިޓަލުގަ އޮތް ވާހަކަ ބުނެ، ހަމައެކަނި އެކަމުން އަހަރެންގެ އަމިއްލަ ސަލާމަތް ހޯދޭނެގޮތެއް އަހަރެން ވިސްނަމުން ދިޔައީ.. އެއްވެސް ހާލެއްގަ ޒައީމްއަށް ގެއްލުމެއް ދޭކަށް ނެތް ހިތެއްގަ..އެރޭ އަހަރެން އަމާޔާ ދުށީން. މުޅި ހަށިގަނޑުގައި ހޮޅިތައް ގުޅާފައި އޮތްއިރު، އެ މައުސޫމު ފުރާނަ ހުރީ ކިރިޔާ. އެ މަންޒަރު ބަލާފައި އަހަރެން ދިޔައީ ޝާއިރާއާ ބައްދަލުކުރަން” އެހިސާބަށް ވާހަކަ ގެންގޮސް ސޯދިގު ހުއްޓާލިއެވެ. ޒައީމްގެ ވާހަކަ ފެށުމުން އޭނާގެ ދެލޮލުން ތެތްކަމެއް ފެންނަމުން ދިޔައެވެ. ޒައީމްގެ ނަން ބޭރުކޮށްލަނީވެސް އުނދަގޫ ގޮތަކަށެވެ. އިޔާން ނިތްއަރުވާލުމުން ސޯދިގް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
” ޝާއިރާއަށް އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނިން. ޒައީމަށް އެމީހުން ފެނުނު ގޮތާއި، އަމާޔާއަށް ކުރި ހުރިހާ އަނިޔާއެއް އޭނާގެ ލޮލުން ދުށް ކަން ބުނެދިނިން. އަދި ޒައީމްގެ އަތުން އަހަރެން އަތުލި ވީޑިއޯ ވެސް ދެއްކިން. އެހިސާބުން ޝާއިރާ މުޅިން ހާސްވެ، ބޭޒާރުވެދާނެ ކަމުގެ ބިރަށް ތެޅިފޮޅެން ފެށީ. ދެން ހަދާނެ ގޮތަކާ މެދު ވިސްނަނިކޮށް، ޒައީމް މަރާލުމުގެ ލަފާ ޝާއިރާއަށް ދިނީ އާޝިއު. އަހަރެން އެކަމާ ވަރަށް ބޮޑަށް ދެކޮޅުހެދިން. އޭނާއަށް އެފަދަ ބޮޑު ގެއްލުމެއް ދޭކަށް އަހަރެންގެ ޟަމީރު އެއްގޮތަކަށް ވެސް އެއްބަހެއް ނުވި. އެންމެ ފަހު ވަގުތާ ހަމައަށް ވެސް އަހަރެން ހުރީ އެ ނިންމުމަށް އިންކާރުކޮށްގެން… ޒައީމްގެ ދުވަސް ދުއްވާލަން އެމީހުން ބަހުސްކުރަމުން ގޮސް، ކުއްލިއަކަށް އެމީހުންގެ ރާގު ބަދަލުކޮށްލި. ވެދާނެ އަހަރެން އެވަގުތު އާދޭސްކުރިވަރުން ކަމަށް..އެމީހުން ބުނީ ޒައީމް ދޫކޮށްލާނީ ކަމަށާއި، އެމީހުންގެ ކުރީގެ ރޭވުމާ އެއްގޮތަށް އަލުން މަސައްކަތް ފަށާނީ ކަމަށް. އެއީ އަމާޔާ ހޫގޯގެ ގާތަށް ސްޕެއިންއަށް ފޮނުވާލުމުގެ ރޭވުން. އެވަގުތު އެމީހުންގެ ވާހަކަ ގަބޫލުކުރުން ނޫން އެހެން ގޮތެއް އަހަންނަކަށް ނެތް. އެހެންކަމުން، އަހަރެން ދިނިން ޚިޔާލެއް. އެއީ އަހަރެން ހޮސްޕިޓަލަށް ގޮސް، ވާހަކައެއް ހަދާލުމަށްފަހު ޒައީމް ގެއަށް ފޮނުވާލުމުން، ޝާއިރާމެން ހޮސްޕިޓަލަށް ދިއުމަށް. އޭރުން އެމީހުންގެ ރޭވުމާ އެއްގޮތަށް އަމާޔާއާ މެދު ކަންތައް ކުރެވޭނެތީ”ސޯދިގު ކުރިއަށް ގެންދިޔައެވެ.
“އެގޮތަށް ނިންމައި އަހަރެން ހޮސްޕިޓަލަށް ދިޔައީން. ގޮސް ޒައީމްގެ ވިސްނުން ބަދަލުކުރަން މަސައްކަތްކުރިން. އޭނާ ގާތު ބުނީން އަދި އެއްވެސް މީހެއްގެ ގާތުގައި އަމާޔާގެ ވާހަކަ ނުބުނުމަށް. އެއީ ހައިކަލްގެ ކުންފުނިން ޝާއިރާއާއި އާޝިއު ހިންގާފައިވާ ބޮޑު ޚިޔާނާތެއްގެ ވާހަކަ އަޑުއިވިފައިވާތީ، އެކަމުގެ ހެކި ހޯދަން ބޭނުންވާ ކަމަށް ބުނެ ވާހަކައެއް ހަދާލީ. މިހާރު އަމާޔާގެ ހަގީގަތާއި އެކު ތެޅިގަނެފިނަމަ ހުރިހާ ކަމެއް ގޯސްވެދާނެ ކަމަށް ބުނުމުން، އޭނާ ވަރަށް ފަސޭހައިން އެކަން ގަބޫލުކުރި. އަދި އޭނާ ގެއަށް ދިއުމުން، ޝާއިރާމެން ހޮސްޕިޓަލަށް އަތުވެއްޖެ.” ސޯދިގު އޭނާގެ ވާހަކަ މެދުކަނޑާނުލައި ކިޔައިދެމުން ދިޔައެވެ.
“ދެން ކޮން އިރަކު ޒައީމް މައްސަލަ ޖެއްސީ؟ ހައިކަލްބެ ބުނި އަމާޔާ ގެއްލިގެން އެކަމާއި މައްސަލަ ޖައްސަން ހުށައެޅީ އޭނައޭ.. ” އިޔާން އަހައިލިއެވެ. އެހިނދު ސޯދިގު ބޯޖަހައިލިއެވެ.
“ރަނގަޅު… ޝާއިރާމެން ހޮސްޕިޓަލަށް އައީ ސްޕެއިނަށް އަމާޔާ ގެންދަން ކުރިން ހެއްދި ލިއުންތަކާއި އެކު އަދި އަމާޔާއާއި ގުޅޭ އިތުރު ލިއުންތަކެއް ވެސް ހަދައިގެން .. މިބުނާ އިތުރު ލިއުންތަކަކީ އަމާޔާއަކީ ޝާއިރާގެ ދަރިއެއްކަމުގައި ބުނެ ހައްދާފައިވާ ލިއުމަކާއި ވަގު ޕާސްޕޯޓު.. އެ ޕާސްޕޯޓު ހެއްދިއިރު އޭނާ އަމާޔާގެ ނަމުގެ ބަދަލުގައި ޖެހީ މުޅިން އެހެން ނަމެއް.. އެއީ ‘އަމީރާ’.. ޑޮކްޓަރުންގެ ގާތުގައި ޝާއިރާ އެދުނީ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަށް.. އެކަމަކު އަމާޔާ ވީކް ކަމުން ހުއްދައެއް ނުދިން.. ބުނި ހަފްތާއެއް ވަރު ފަހުން ބަލާލާފައޭ ގޮތެއް ނިންމަން އެނގޭނީ.. އޭރު ނޭނގޭ ކިހިނެތް ކަމެއް، އަމާޔާގެ ހަބަރު ޝާއިރާ އޮތީ ސިއްރުވެސްކޮށްފަ.. ފަހުން އާޝިއު ބުނީމަ އެނގުނު، ހޮސްޕިޓަލުން އުޅުނޯ އަމާޔާ އޮތް ހާލަތު ފެނި ފުލުހަށް މައްސަލަ ހުށައަޅަން ވެސް… އެކަމަކު ހޮސްޕިޓަލުގެ ވެރިންނާއި ޑޮކްޓަރުންނަށް ވެސް ލާރި ދީގެން، އެމީހުންގެ އަނގަ ޝާއިރާ ބަންދު ކޮށްލީއޯ.. ދެން އެހެން ހުއްޓަ އަންނަނީ ޒައީމްގެ ކޯލެއް.. ޒައީމް ދިޔައިރު ހައިކަލްމެންގެ ގޭގައި ވަރަށް ކަންތައް ގޯސްވެފަ އޮތީ.. އެންމެން ރޮނީ، އާމިލާގެ ހާލުވެސް ވަރަށް ސަކަރާތް.. އޭރު ފުލުހުންނަށް ހައިކަލް ރިޕޯޓު ކޮށްފި އަމާޔާ ގެއްލުނު ހަބަރު.. އެހާ ގިނަ ވަގުތު ފާއިތުވެގެން ދިޔައިރު ނުހުންނާނެ އެންނު ނުހޯދާ.. ބައެއްގެ ހުރި ހަމައެކަނި އަންހެން ދަރީގެ ވާހަކަ މިދައްކަނީ.. ފުލުހުން ވަރަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ބުނި.. އަދި ޒައީމް ބުނި، އޭނާއަށް ހުރެވިދާނެއޯ ޝާއިރާމެންގެ ހިޔާނާތާއި ދެކޮޅަށް ހެއްކެއް ލިބެންދެން އަމާޔާގެ ވާހަކަ ނުދައްކާ، އެކަމަކު އާމިލާ އާއި ހައިކަލް އެހާ ނިކަމެތިވެފައި ތިބޭ މަންޒަރު ބަލަން ދެއަތް އުރާލައިގެން ހުންނަން ވަރަށް އުނދަގުލޯ.. ހައިކަލްގެ އާއިލާއަކީ އަހަރެން.. އެކަމަކު އަހަންނަށް ވުރެން ޒައީމް ދުރުމީހާގެ ހިތްވެސް މާ ހެޔޮ.. ހިތައް ލަދުވެތިކަން ވަތް ފުރަތަމަ ފަހަރުއެއީ.. އެކަމަކު ވެސް އަމިއްލަ ހިތައް ވިސްނައިދިނިން ހައިކަލްދެކެ ވާ ފޫހި އަދި އޭނާގެ ސަބަބުން އަހަންނަށް ކުރިމަތިލާން ޖެހުނު ނާކާމިޔާބީ…. ޒައީމް ބުނި އެއީއޯ އޭނާ ހާލުގަ ޖެހުނު ދުވަހު އެހީވި ބަޔަކީ، ތިމަންނަ މިގޭގެ ފޫޓޭޖުތައް ބަލައިފީމޯ.. އޭނަ ހީކުރީ ޝާއިރާ ކަމަށް ފޫޓޭޖުތައް ޑިލީޓް ކުރީ.. ބުނި ޝާއިރާ އަތުން ދޫވެފަ އިން ފޫޓޭޖެއް ތިމަންނައަށް ފެނިއްޖެއޭ.. އެއާއި އެކީ މައްސަލައަށް ބޭނުންވާ ޑޮކިއުމަންޓްތައް ހަމަކޮށްފަ ފުލުހުންނާއި ހަވާލުކޮށްފީމޯ.. އެއީ ޝާއިރާ އާއި އާޝިއު ބިރުގަތްކަންތައް.. ދެމީހުންނަށް ވިސްނުނު ޒައީމް ދިރި ހުއްޓަ އެމީހުންނަށް ސަލާމަތް ނުވެވޭނެކަށް.. އެކަމަކު އެމީހުން ބަޔަކަށް ގުޅާ ފައިސާގެ ކަންތައް ހަމަޖެއްސުމަށްފަހު، އެވަގުތު އަންގައިފި ޒައީމްގެ ދުވަސް ދުއްވާލަން.. އަހަރެން ދެން ވެސް ދެކޮޅުހެދިން އަދި އޭނާއަށް ގޮތެއް ނުހަދަން އެދި އާދޭސްކުރިން..މަރާލުން ނޫން ކޮންމެވެސް އެހެން ގޮތެއް އޮންނާނެ ނޫންހޭ ވެސް ބުނިން.. ފަހުން ހިތައް އެރި ޒައީމްކިޔައިދިން އެއްވެސް ވާހަކައެއް ނުބުނެވުނު ނަމައޭ ވެސް.. ކޮންމެ މީހަކަށް ކޮންމެ ގޮތެއް ވިއަސް އޭނާއަށް ގެއްލުން ދޭކަށް އަހަރެން ބޭނުމެއް ނުވި…. މިހާރުވެސް އޭނާއަށް ހިޔާނާތްތެރިވެވިފަ ދޯ ، ދެން އިތުރަށް ހަމަ ކެތްނުވީ ހިތައް.. އަނެއްކާ ވެސް އަހަރެން މާ ގިނައިން ކީމަ، ދެން ޝާއިރާ ކުރިން ގުޅި މީހުންނަށް ގުޅާފަ ބުނެފި މަޑުކޮށްލަން، މީނައަށް ހިޔާލެއް އައިސްފިއޭ ކިޔާފަ ގޮސްފި..” ސޯދިގް ބުންޏެވެ.
“ދެން ޒައީމް ފުލުހުންގެ އިދާރާއިން އެނބުރި ހޮސްޕިޓަލަށް އައިގަޑީ ޝާއިރާ ދިޔަ އޭނައާއި ބައްދަލުކުރަން.. ދެމީހުންގެ ދެމެދުގައި ވަރުގަދަ ޒުވާބެއް ހިނގި.. ޝާއިރާގެ ފަތިފުށް އެނގުމުން ޒައީމް މަޑަކުން ނުހުރި ހުރިޙާ ވާހަކައެއް ގޮވާލި.. އެކަމަކު އެތަނުން ޒައީމްއަށް ޝާއިރާ މަޖުބޫރު ކުރުވި މަޑުން ހުންނަން.. ޝާއިރާ ދެއްކީ ޒައީމް އެންމެ ލޯބިވާ ދަރިފުޅު، މަހާ .. އެކުއްޖާ މަރާލަން އެއްވެސް ވަރަކަށް ފަހެއް ނުޖެހޭކަމަށް ޝާއިރާ ބުނީ.. ދެން ޒައީމް ދިޔައީ މަހާގެ ގާތައް، ސަބަބަކީ އެކުއްޖާ ސަލާމަތްކޮށްގެން ކޮންމެވެސް ރައްކާތެރި ތާކަށް ގެންދަން އޭނައަށް އެވަގުތު ވިސްނުނީ.. މަހާ ކައިރީގަ ޒައީމްއާއި އެކު އައުމަށް ބުނި.. އެކަމަކު، ޒައީމްއާއިއެކު މަހާ ގޮސްފިނަމަ ޒައީމް މަރާލާނެ ކަމުގެ އިންޒާރު އަދި އެއްވެސް މީހެއްގެ ކަންފާތާއި ހަމައަށް ޝާއިރާ އިންޒާރު ދިން ހަބަރު ގެންގޮސްފި ނަމަ އާމިލާއަށް ގޮތެއް ހަދާނެ ކަމުގެ އިންޒާރު މާކުރިން ދީފަ އޮތީމަ ތުއްތު މަހާއަކަށް ނުކެރުން ޒައީމްއާއި އެކު ދާކަށް.. އެހިސާބުން ފާޑަކަށް ގޮތް ހުސްވި ޒައީމްއަށް ..ދެން އެގޮތުގައި ހަފްތާއެއް ހިނގި .. އެ ހަފްތާގަ ތެރޭގަ ހަމަ މަހާގެ ނަން ބޭނުން ކޮށްގެން ޒައީމްއަށް ބިރު ދައްކައިގެން ޝާއިރާ ވަރިވި އޭނަގެ ކައިރިން.. ދެމީހުންގެ ވަރީގެ ކަންތައް ނިމުނުފަހުން ތިންވަނައަށް ވީ ދުވަހު ޒައީމް އެކްސިޑެންޓުކޮށްލީ.. އަހަރެންނަކަށް ވެސް ނޭނގޭ ޝާއިރާ މެން އެހެން ހަދާނެ ކަމެއް..މިޙާރު މަހާގެ ނަން ބޭނުންކޮށްގެން އެއޮތީ ޒައީމްގެ އަނގަ ބަންދުކޮށްފަ އެންނު.. ދެން އޭނައަށް އަނިޔާ ދިނުމުގެ ބޭނުމެއް އަޅެ އެބައޮތްތަ؟ ގެއިން ނުކުމެގެން އަމާޔާ ގާތައް ހޮސްޕިޓަލަށް އައި މަގުމަތީގަ އޭނާ ދުއްވި ކާރު އެކްސިޑެންޓުކޮށްލީ.. ޒައީމް ގެނެވުނު އިރުވެސް އެހާ ކްރިޓިކަލް، މީހާގެ ސިފަވެސް ވަކި ނުވޭ.. ގެނަ ގޮތައް އަވަސް ފަރުވާދޭ ބަޔަށް ވައްދާފަ ފަރުވާދޭން ފެށުނު..ދެއަހަރު ވަންދެން ކޯމާގަ އޮވެފަ ހޭއެރި. އެކަމަކު އެދުވަހަށް ފަހު އޭނަ އެކީ ޕެރެލައިޒް ވެފަ.. ވާޙަކައެއް ނުދެއްކޭ ނުހިނގޭ.. ،ދެން އެނގެއެންނު.. ހުއްޓިފަ އޮންނަނީ.. ރަނގަޅުވާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް.. އަދި އަދަށްދާންދެން ވެސް އެގޮތުގަ” ސޯދިގު ކިޔައިދިން ވާހަކަތަކުން އިޔާންގެ ހިތައް ނުހަނު އަސަރު ކުރިއެވެ. ޒައީމް އެންމެ ފަހު ވަގުތާއި ހަމައަށް ވެސް އަމާޔާގެ ހައްގުގައި އިންސާފު ހޯދައިދިނުމަށް މަސައްކަތް ކުރި ވާހަކަ ސޯދިގު ބުނުން ހިތުގައި ތަފާތު ކުލުނެއް އުފެދުނެވެ. އޭނާ ދެކިލަން ބޭނުން ވިއެވެ. އިޔާން ދެން އެހީ އޭގެ ފަހުން އަމާޔާ ސްޕެއިނަށް ގެންދިޔަ ގޮތާއި ބެހޭގޮތުންނެވެ.
“ބުނީމެންނު ޑޮކްޓަރުން ފުރަތަމަ ހުއްދަ އެއް ނުދިނޭ އަމާޔާ އޮތް ހާލުން.. ޒައީމް އެކްސިޑެންޓުކޮށްލި ދުވަހު އަމާޔާ ކޯމާއަކަށް ދިޔަ ހަބަރު ޑޮކްޓަރުން ޝާއިރާއަށް ދިން.. ޑޮކްޓަރުން ގާތަށް ޝާއިރާ އަނެއްކާ ވެސް ދިޔަ..މިފަހަރުވެސް ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ގެންދަން ވެގެންނޭ ބުނެ ވާހަކަ ދެއްކީ.. ދެން ޑޮކްޓަރުންވެސް އިތުރަށް މަނާނުކޮށް ހުއްދަ ދިން.. ފައިސާގެ ގޮތުން ހޫގޯ އެހީވެގެން، ފްލައިޓެއް ޗާޓަރ ކޮށްގެން ސްޕެއިންއަށް ދިޔައީ.. އަމާޔާ ގޮވައިގެން މިކޮޅުން ދިޔައީ އާޝިއު..ސްޕެއިނަށް ގޮސްފަ ހޫގޯއާއި ބައްދަލްކޮށް ކަންކަން ހަމަޖެއްސި. އެމީހުން ހެދި އެގްރީމެންޓްގެ ކޮޕީއެއް ވެސް ހޮސްޕިޓަލާ ހަވާލު ކޮށްފަ އާޝިއު އެނބުރި ރާއްޖެއައީ.. އަމާޔާ ހޭ އެރި ދުވަހު އެމީހުން އެދެއްކީ” ހުރިހާ ވާހަކައެއް ސޯދިގް ކިޔައިދިން އިރު އިޔާންއަށް، ގޮނޑީގެ ތެރެއަށް ޖެހިގަނެވުނީ ދެފައިކޮޅުން ވާގި ހުސްވެގެން ދާ ހެން ހީވުމުންނެވެ. ދެލޮލުން ފެންތައް ޖަމާވެފައި ހުރިއިރު އެންމެ ލަފްޒެއް ގެނައުމަށް ވެސް އިނީ ނުކުޅެދިފައެވެ.
“އެކަމަކު ހޫގޯއާއި ޒައީމްއަކީ އެކުވެރިންނެއްނު.. އޭނަ ދިޔައެއްނު ޝާއިރާއާއި އެއްކޮން އެގެޔަށް ވެސް…” އިޔާންގެ ފުށުން އިވިފައިވާ ވާހަކަތަކައް ބަލާފައި މަހުދީއެއްސެވެ.
“ހޫމް.. ޒައީމް މަސައްކަތް ކުރީ ހައިކަލްގެ އޮފީހުގަ.. އޭނާއަކީ މީހުންނަށް ހެޔޮ މީހެއް.. މިބުނިގޮތައް އެންމެ ފަހު މިނެޓާއި ހަމައަށް ވެސް އޭނާ މަސައްކަތް ކުރީ އަމާޔާ ސަލާމަތް ކުރަން އަދި އޭނާގެ ދަރިފުޅު މަހާ ދެކެ ވަރަށް ބޮޑަށް ލޯބިވާނެ.. އެކަމުގެ ސަބަބުން އަނގަބަންދުވީ ވެސް.. އެކަމަކު ބުނަންތަ، ކުރިން އޭނައަކީ ރަލާއި މަސްތުވާތަކެތީގަ ވަރަށް ކުރީގަ އުޅުން މީހެއް.. ވަރަށް ގަދައަށް ބޯނެ.. ކިތަންމެ ރަނގަޅު މީހެއްގެ ވެސް ކަމުނުދާ ސިފައެއް ހުންނާނެއޭ ބުނާ ފަދައިން އޭނާގެ ކަމުނުދަ ސިފައަކީ އެއީ.. އެނޫން ހުރިހާ ކަމެއްގަ އޭނާ ބަރާބަރު ވާނެ.. އޭނާ ބުއީ ދަރިން ލިބުމާއި ހަމައަށް.. ފަހުން ހުއްޓާލި.. މިދައްކަނީ ޒައީމުގެ ޒުވާން ދުވަސް ވަރުގެ ވާހަކަ އެނގޭ..ޒައީމަށް ހޫގޯ ފެނުނީ ހައިކަލް ފޮނުވައިގެން އޭނާގެ ކޮންމެ ވެސް ރިސޯޓެއްގަ އޮތް މީޓިންގް އަކަށް ގޮސް ހުއްޓަ.. އޭރު ހޫގޯ ހުރީ ޗުއްޓީ ހޭދަ ކުރަން އެތަނަށް ގޮސް.. ޒައީމް ވެސް ރާ ބޯން ދާ ކޮންމެ ފަހަރަކު އޭނައަށް ހޫގޯވެސް ރާ ބޯން އިންދަ ދެވެނީ.. ދެމީހުން އެކުވެރިވީ އެހެން.. ދެން ޝާއިރާ އަކީ ވެސް ބަނގުރާ ބޯ މީހެއް.. ޝާއިރާވެސް ޒައީމްއާއި އެކު ގޮސް ގޮސް އެކުވެރިވީ.. އެއީ އެމީހުންގެ ޒުވާން ދުވަސް ވަރުން ސުރެން އުފެދިފަ އޮތް ގުޅުމެއް.. ދަރިއަކު ވެސް ނުހުންނާނެ …އެދެމީހުން އޭރު ގޮސް ސްޕެއިންގަ ވެސް ވަރަށް އުޅުނު.. ދެކުދިން ލިބުނު ފަހުން ވެސް ދޭތެރެއަކުން ސްޕެއިންއަށް ދޭ… އެގޮތައް ގޮސް އުޅެނިކޮން ހޫގޯ އިނދެގެން ގެންގުޅުނު ރާއްޖެ އަންހެންކުއްޖެއްގެ ޥާހަކަ ވެސް ކީ.. މިހާރު މާ ބޮޑަކަށް ހަނދާނެއް ނުވޭ.. ޝާއިރާގެ ބަހަށް އެ އަންހެން ކުއްޖާއާއި ޖައްސާލައިގެންނޯ އޭރު އުޅެވުނީ.. ވަރަށް ދެރަވެގެން ކީ.. މަށައް މި ވާހަކަތައް ކިޔައިދިނީ ޒައީމް.. އަހަރެމެންގެ އެކުވެރިކަން ނުކެޑޭއިރު.. މިހާރު ޝާއިރާ އެހުރިހާ ކަމެއް އަނެއްކާ ފަށައިގެން އުޅެނީ، އާޝިއުއާއި އޭނާގެ ދޮށީ އަންހެން ދަރިއާއި އެއްކޮން” ސޯދިގު އިތުރަށް ބުނެލިއެވެ. އިތުރަށް އެނގެން ބޭނުންވާ އެތައް ކަމެއް ހުއްޓަސް ވެސް އިޔާން ހުރި ހާލަތުން އެކަމަށް މަހުދީ ނުކުޅެދުނެވެ.
“އެރޭ ކާރުތެރޭގައި ވީ ގޮތް ކިޔައިދިނީ އާޝިއުތައް؟”
“އާން.. މަބުނިން މަށައް އެހީ ވެވޭނީ ކަލޭމެން ކުރި ހުރިހާ ކަމެއް އެނގިގެންނޭ..އެހެންވެ ހުރިހާ ކަމެއް އަކުރުން އަކުރަށް އާޝިއު ކިޔައިދިން.. އަދި ބުނަންތަ ވާހަކައެއް! އެދުވަހު އެ ކާރުގަ ޝާއިރާ ދެއްކި ވާހަކަތައް އާޝިއު ހުރި ރިކޯޑުކޮށްފަ، އެއީ ޝާއިރާއަށް ވެސް ނޭނގޭ ކަމެއް.. އާޝިއު ބުނީ، ޝާއިރާ އެންމެ ފަހު ވަގުތު އޭނާގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލާފާނެތީ ތިމަންނަ ރައްކާތެރިކަން ހޯދީއޭ.. މަށަކަށް ވެސް ނޭނގޭ އެލިބޭނެ ވަކިތަނެއް އެކަމަކު ބުނަން އެނގޭހާ ވެސް އެއްޗަކީ ތިމީހުންނަށް އެ ރިކޯޑިންގް ހޯދިއްޖެއްޔާ އިތުރަށް މަޑުކުރާކަށް ނުޖެހޭނެ، އަހަރެން މިދިން ފޮޓޯ ތަކާއި އެ ކެމެރާގެ މަންޒަރު ތައް އެހުރީ އެންނު.. ދެން ކޮންމެ ވެސް ގޮތަކުން ބަލާ އެ ހޯދޭތޯ..އެތައް ކަމެއް މީގަ އިންވޯލްވް ވާތީ އެކަށީގެންވާ ހެކި ނުހޯދާ މިކަމާއި ނޫޅޭތި” ސޯދިގު ބުންޏެވެ.
“ހޫމްމް، މިވަގުތައް ދޭ ދެން.. ކުރަންވީ ކަންތައް އަންގާނަން.. ޝާއިރާގެ ކަންފަތައް މިއިން ހަބަރެއް ގެންގޮސްގެން ނުވާނެ! އަހަރެމެންނާއި ދެކޮޅަށް އެއްވެސް ކަމެއް ކުރަން އުޅެފިކަން އެނގުނަސް، ދެން ބައްދަލްވާނީ ޖަލުން، ހަނދާންކުރާތި!” ސޯދިގްގެ ޕާސްޕޯޓު ދައްކާލަމުން އިޔާން، ކޮންމެ ބަހެއް ބުނަމުން ދިޔައީ އިންޒާރާއިއެކުއެވެ. ސޯދިގް އަނެއްކާ ވެސް ބޯޖަހައިލިއެވެ.
“ކިހިނެތް ހަދާނީ ބުރޯ؟” އިޔާން ހިސާބަކަށް ހަމަޖެހިލި ތަން ފެނި މަހުދީ އަހައިލިއެވެ.
“ހިނގާ މަޑުކޮށްލަމާ އަދި.. ޝާއިރާ މިހާ ނުބައި ލެވެލްއަކަށް ވެއްޓުނު ސަބަބު އަޑު އަހަން ބޭނުމީ އޭނާގެ އަނގައިން.. އެކަން އިވުމަށްފަހު، އެމީއަށް އެހެދި ހުރިހާ ގޮތެއް އޭނާގެ ކުރިމަތީގައި އޭނަގެ ނަޒަރުގަ ހުރި ހަމައެކަނި ދަރި މަންހާއަށް ހަދާފަ، ރަނގަޅަށް ބަދަލު ހިފާފަ ނޫނީ ޖަލަށް ވެސް ނުލާނަން.. މަ ކުޑަކޮން ވެސް ބިރެއް ނުގަނޭ އެމީހުންނަށް ގޮތެއް ހަދައިގެން މަށައް ޖަލަށް ދާން ޖެހިދާނެތީއެއް.. އެކުޅުނީ މަގޭ ފުރާނަޔާ” އިޔާންގެ އަޑުގައިވަނީ ޔަގީން ކަމެވެ. އެއީ އޭނާ ކުރާނެކަމެއްކަން އެދެލޯ ހެކިވެއެވެ. ކޮންމެ ލަފުޒެއް އަނގައިން ބޭރުވީ ނަމަވެސް އައީ ހިތުގެ އަޑިންނެވެ.
****
ރެސްޓޯރެންޓުގެ ތެރެއިން އަމީރާ ނުކުތެވެ. އަތްދަބަސް މޭގައި ބާރުކޮށްލައިގެން ހުރެ، ފޯނުގެ ސްކްރީނުން ގަޑި ބަލައިލިއިރު ހަތަރެއް ޖަހަން ބާކީ އޮތީ މަދު މިނެޓުކޮޅެކެވެ. ނަމަވެސް، އުޑުމަތި ބަނަކޮށްލުމަށްފަހު އޮއްސާލި ބޯ ވާރޭގެ ސަބަބުން އޭނާގެ ފިޔަވަޅުތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ. ޖަހާލި ގުގުރީގެ ބިރުވެރި އަޑާއެކު ނުހަނު ބާރަށް ވިދައިގަތެވެ. މުތީތަކެއް ފަދައިން އޮއްސެމުންދިޔަ ކެރީގެ ތިކިތަކުން މުޅި މާހައުލު ވަނީ ފުސްކޮށްލާފައެވެ. އުޑުމަތީގެ ކުލަވަރު ހުރިގޮތުން މިއިން އިރަކު ވިއްސާރަ މަޑުވެދާނެކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.
“ކިހިނެތް ދާނީ ވެސް.. ނާޔޫދައްތަ އަށް ގުޅާފަ ބުނަންވީ ކަންނޭގެ މިއަދު ނުދެވޭ ވާހަކަ” އުދަރެހަށް ނަޒަރެއް ދީފައި އަމީރާ ގުޅާލީ ނާޔާއަށެވެ. އެވަގުތަކީ އޭނާގެ ތެރެޕީ ގަޑިތައް ނާޔާ ނަގައިދޭ ވަގުތެވެ. ފޯނުނެގުމުން ވާރޭ ވެހޭވަރުން ގެޔަށް ނުދެވިފައި ހުރި ވާހަކަ އަމީރާ ބުނެލިއެވެ.
“ހަމަ ގުޅަން އުޅެނިކޮށް ތިގުޅީ. މިއަދު މިއުޅެނީ ގޭގަ. ވިއްސާރަވީމަ ހިތަށް އެރީ ހަމަ ގޭގައި ތިބެގެން މަސައްކަތް ފަށާނީއޭ. އިޔާން ވެއްޖެ އޮފީހުގަ.. އެކަމަކު މިހާރު އެދަނީ އިރޫ ބަލަޔޯ، ގެއަށް އަންނަ މަގުމަތީގައި އެމީ ނަގަން މަޑުކޮށްލާނެ” އަމީރާއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނާޔާ ފޯނު ކަނޑާލިއެވެ.
“އާގްހްހް.. ދެން ނާޔޫ ދައްތަ ވެސް ދޯ، އެ ކަނޑާލީ ފޯނު.” އަމީރާއަށް ބޭއިޚްތިޔާރުގައި ތުންފިއްތާލެވުނެވެ. އިޔާންގެ ކުރިމައްޗަށް ނާރާ ފިލައިގެން އުޅެން ކުރާ ހުރިހާ މަސައްކަތެއް ކޮންމެވެސް ހިސާބަކުން ފެނަށްވެއެވެ. ހިތާއި ހިތާ ޝަކުވާ ކޮށްލެވުނެވެ. އިޔާން އައުމުގެ ކުރިން އެކަނި ދެވޭނެ އެއްވެސް މަގެއް ނެތެވެ. ވާރޭގެ ތިކިތައް ބޯވަމުން ދިޔައީ އަމީރާގެ ހިތުގެ ނުތަނަވަސްކަމާ ވާދަ ކުރާ ފަދަ ގޮތަކަށެވެ. އޭނާ ހިޔާވެލައިގެން ހުރީ ރެސްޓޯރެންޓުގެ ދޮރުމަތީގައެވެ.
އޭރުވެސް އަމީރާގެ ކަޅި ހުއްޓިފައި ހުރީ ކުރިމަތިން ފެންނަން ހުރި ފުލުސް އޮފީހަށެވެ. ވިއްސާރައިގެ ފުސްކަމުގެ ތެރެއިންވެސް، އެ އިމާރާތުން ނުކުތް އިޔާން އޭނާގެ ލޮލުގައި ސާފުކޮން އަޅައިގަތެވެ. އެ ފިރިހެންވަންތަ ސޫރަ ފެނުމާއެކު އަމީރާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ދެލޮލުގެ މިޔަކަން ތެމިލީ އިޚްތިޔާރަކާ ނުލައެވެ. ހިތުގެ އެންމެ ފުންމިނުގައި ކޮއްޓާލީ ދެމީހުން އެންމެ ފަހުން ވާހަކަދެއްކި ހިތްދަތި ވަގުތުކޮޅުގެ ހަނދާންތަކެވެ. އެ ގުޅުމުގެ ސަފުހާ ލައްޕާލި ފަހުން، އިޔާން ފެނުނަސް ވާހަކަދައްކާނެ އެއްވެސް ފުރުސަތެއް އަމީރާ ނުދެއެވެ. އިޔާން ފެނިއްޖެނަމަ ބަލަނީ ވީހާވެސް އަވަހަކަށް އެ މާހައުލަކުން ދެވޭތޯއެވެ. އެކަމުން ހިތަށް އަސަރު ނުކުރަނީއެއް ނޫނެވެ. ނަމަވެސް، ޔަނާލް ގޭގައި ބަހައްޓަން އިޔާން އެއްބަސްވި ހިސާބުން، އަމީރާގެ ހިތް ވަނީ މާޔޫސްކަމުގެ ފުން ކަނޑަކަށް ގެނބިފައެވެ.
އެ ކާރަށް އަރައިފިނަމަ، ޔަގީނުންވެސް އިޔާން ވާހަކަދައްކަން މަސައްކަތް ކުރާނެއެވެ. އެހެނަސް، އަދި އެފަދަ ކުރިމަތިލުމަކަށް އޭނާގެ ނަފްސު ތައްޔާރެއް ނޫނެވެ. ހިތުގައި އެ ހިތްވަރެއް ނެތެވެ. އެ ސޫރަ ދެކެން ހިތް ބޭގަރާރުވަމުން ދިޔަ ނަމަވެސް، އަމީރާ ކެތްތެރިވެލީ، މަޖުބޫރުވެފައިވާ މުސާފިރެއް ފަދައިންނެވެ. އިންތިޒާރުގެ ސިކުންތުތައް ގުނަމުންދިޔައިރު، ވާރޭގެ ތިކިތަކާއެކު އޭނާގެ ހިތުގެ ޝަކުވާތައްވެސް ބޭރުވަމުން ދިޔައެވެ.
ނަމަވެސް، ދެން އޭނާގެ ލޯމައްޗަށް ސިފަވެގެންދިޔަ މަންޒަރަކުން، އެ ހިތުގެ ކެތްތެރިކަމުގެ އިން ފަހަނައަޅައި، ރޫހު ގަނޑުވިކަހަލައެވެ. އިޔާން ވިއްސާރަ ކޯޓުގެ ލަމުން، ޕާކުކޮށްފައި އޮތް ކާރާއި ދިމާލަށް ދަނިކޮށް، ކުއްލިއަކަށް ފަރި ހިނގުމެއްގައި އައިސް އޭނާގެ ގާތަށް އެހުއްޓިލީ ޔަނާލްއެވެ. ވާރޭގެ ތިކިތަކުން ތެމިފޯވެ، ހަށިގަނޑުގައި ތަތްވެފައި އޮތް ހެދުމާއިއެކު ފެންނަމުންދިޔަ ޔަނާލްގެ އެ ހިމަތޮޅި ސޫރަ، އެހާ ދުރުންވެސް އަމީރާއަށް އޮޅުމެއް ނެތް މިންވަރަށް ވަކިކުރަން އެނގުނެވެ. ޔަނާލްގެ އެ ކުއްލި ފެނުމުން އިޔާން ސިހިފައި ފަހަތައް ޖެހުނުގޮތް އަމީރާއަށް ފެނުނެވެ. އަމީރާގެ ހިތުގައި ހޫނު ތަދެއް އުފެދުނެވެ. އިޔާންގެ ގާތުގައި އިތުރު އެއްވެސް އަންހެނެއް ހުރުމަކީ އޭނާއަށް ހަޖަމުކުރެވޭނެ ކަމެއް ނޫނެވެ. އެއީ އޭނާގެ ބަލިފައެވެ. ހާއްސަކޮން ޔަނާލް ހުރުމަކީ އަމީރާއަށް ހުވަފެނުން ވެސް ދެކެން ކެތްވާނެ މަންޒަރެއް ނޫނެވެ. އެ ދެމެދުގައި ބަދަލުކޮށްލެވުނު ކުރު ޖުމްލަތަކަށްފަހު، އިޔާންގެ ކާރު ނެރެގެން އައި ހިނދު ދޮރުހުޅުވާލާފާއި ޔަނާލް އެތެރެއަށް ވަނެވެ.
ލޯމަތިން އެ ކާރު ގޮސް އޮބާލައި، ގެއްލިގެން ދިޔައިރުވެސް އަމީރާއަށް ހުރެވުނީ ކަރުނުން ފުރިފައިވީ ދެލޮލަކުން ބަލަހައްޓައިގެންނެވެ. އިޙްތިޔާރެއްނެތި ހޯސްލާފާއި ކަރުނަތައް ފައިބައިގަތެވެ. މޭގައި އަތް އަޅާލެވުނީ ދިލަ ތަދެއް އިޙްސާސް ވުމުނެވެ. “ވައި؟” ގިސްލުމުގެ ތެރެއިން އަމީރާގެ ތުރުތުރު އަޅަމުންދިޔަ ދެތުންފަތް ހަރަކާތްކޮށްލީ ސުވާލުގެ ކަނޑެއްގައެވެ. ކިތަންމެ ނެތް ހިތްވަރު ދައްކައިގެން މީހުންގެ ކުރިމަތީގައި އުޅުނަސް، ލޯމަތިން ފެނިގެންދިޔަ އެންމެ މަންޒަރަކުން އަމީރާގެ މުޅި ނަފްސު ބަލިކަށިވެ، ބިއްލޫރިގަނޑެއް ފަދައިން ނާޒުކު ހިތް ކުދިކުދި ވެއްޖެއެވެ. ޔަނާލްއާއި ދުރުން އުޅޭނަން ކަމުގައި އިޔާން ކިތަންމެ ވަރަށް ބުނިނަމަވެސް އަމީރާއަށް ގަބޫލުކުރަން އުނދަގޫވަނީ އިޔާންގެ ފުށުން އެފަދަ މަންޒަރުތައް ފެންނަމުން ދާތީއެވެ.
“ހާދަ ވަރަކަށް އެބަ ވެހެއޭ ދޯ.. މިއިން އިރަކު މި ވިއްސާރަގަނޑު ހުއްޓާލާނެ ހެންނެއް ހިއެއް ނުވޭ”
ރޯން ހުއްޓާ އަމީރާއަށް ސިހުމެއް ލިބުނީ ދޮރުން ނުކުންނަން އައި އާމިލާގެ އަޑު އިވިފައެވެ. އޭނާ ފެނިއްޖެނަމަ ވާހަކަ ދައްކާނެކަން ޔަގީންވާތީ އަވަސްއަވަހަށް މޫނު ސާފްކޮށްލިއެވެ. އޮހެމުންދިޔަ ކަރުނަތައް ކޮންޓްރޯލުކުރުމަށްޓަކައި ބާރަށް ތުންފަތުގައި ދައިގަނެ، ހިތުގެ އުދާސްތައް ހިންދާލިއެވެ. އޭނާ ހުރީ ފަސްދީގެން ކަމުން، މޫނުމަތިން ފާޅުވަމުންދިޔަ ރިހުމުގެ ކުލަވަރު ވަނީ ވަގުތީ ގޮތުން ވަންހަނާވެފައެވެ.
“އެމީ؟” އިވުނީ ހައިކަލްގެ އަޑެވެ. ތުންފަތައް ގަދަކަމުން ގެނައި ހިނިތުންވުމުގައި ހުރެ އެމީހުންނާއި އަމީރާ ކުރިމަތިލިއެވެ.
ނަމަވެސް، އަމީރާގެ މޫނު ފެނުމާއެކު އާމިލާގެ ތޫނު ސިކުނޑިއަށް ކަމެއް ފަހުމްވެއްޖެއެވެ. އެ ރީތި ދެލޮލުގައި ވީ މަޑު ރަތްކަމާއި، ތެތްކަން އާމިލާއަށް ސިއްރެއް ނުވިއެވެ. ހިތުގައި ނުބައި ރިހުމެއް އުފެދުނެވެ. ދެން އޭނާއަށް ބަލައިލެވުނީ ހައިކަލްގެ މޫނަށެވެ. އަމީރާއަށް ވެފައި ހުރިގޮތް ނަގައިގަނެވި ހައިކަލްގެ މޫނުމަތިންވެސް ފެނުނީ އިންތިހާ ކަންބޮޑުވުމެވެ.
“ކިހިނެތް ވެފަ މިތާގަ ؟ ވިއްސާރައިގަ ޖެހި ބަންދުވެފަ ދޯ..އިޔާ ނާދޭތަ ބަލައެއް؟” އަމިއްލަ ހިތް ހަމައަކަށް އަޅުވާލަމުން އާމިލާ ވާހަކަ ދެއްކިއެވެ.
ހައިކަލްއަށް ހުރެވުނީ އަމީރާގެ މޫނަށް ބަލަހައްޓައިގެންނެވެ. ހިތަށް ކުރުވަމުން ދިޔަ އުނދަގޫ އަސަރުތަކެކެވެ. އަމީރާ ހުރި ގޮތުން އޭނާގެ ވައަތު ކަންފަތްދޮށް ނުފެނުނު ކަމުގައި ވިޔަސް، ހައިކަލްގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ހަމަ އެ ދިމާލަށެވެ. އަމީރާ ގަދަކަމުން ހީލި ގޮތުން ހައިކަލްގެ ހިތަށް ކުރި އަސަރު ވަކިން ބޮޑުވިއެވެ. އެ މޫނުމަތިން އޭނާއަށް ސިފަވެގެން ދިޔައީ މައުސޫމު ތުއްތު އަމާޔާގެ ސޫރައެވެ. ހައިކަލްގެ ދެލޮލުން ފޭބި ކަރުނަ ތިކިތައް އަވަސް ހަރަކާތަކާއެކު ފޮހެލަމުން، އަމީރާއަށް އެ މަންޒަރު ނުފެންނަކަން ޔަގީންކޮށް، މަޑުމައިތިރިކަމާއެކު ވާހަކަ ދައްކަން ފެށިއެވެ.
“ހިނގާ ބޭބެމެންގެ ގެޔަށް ދާން.. އެއްވެސް ކުއްޖަކު އަދި ގެޔަށް ދިޔަ ހެންނެއް ހިއެއް ނުވޭ” ހައިކަލް އޯގާތެރިކަމާއެކު ދައުވަތު ދިނެވެ.
“ތެދެއް އަދި ނުވެސް ކައި މިއުޅެނީ، ކޮންމެވެސް ކަހަލަ މީރު ކާއެއްޗެއް ތައްޔާރުކޮށްލައިގެން ކާން ހިނގާބަ.. އެއީ ވަރަށް ރަނގަޅުކަމެއް މި ވެދާރ ގަ” ހައިކަލްގެ ބަހަށް ތާއީދުކޮށް އާމިލާ ބުނެލި އިރު، އޭނާގެ އަތްތިލަ ވަނީ އަމީރާގެ އަތުގެ މުލައްދަނޑީގައި އަޅުވާލެވިފައެވެ.
އަމީރާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް، ހިތުގެ އެންމެ ފުންމިނުގައި ބިރުވެރިކަން އުފެދުނީ އެ ގެޔަށް ދިޔަ ދުވަހުގެ ހަނދާންތަކުންނެވެ. އެއީ އޭނާ އެ ގެޔަށް ދިޔަ ފުރަތަމަ އަދި ފަހު ދުވަސް ވެސްމެއެވެ. އެދުވަހު ބޮލަށް އެރި ބާރު ރިހުމާއިއެކު ހޭވެރިކަން ފިލައިގެން ދިޔަ ގޮތް މިއަދުވެސް ހިތަށް ސިފަވެއެވެ. އެންމެފަހުން ހޮސްޕިޓަލުގައި އެނދުމަތި ވެސް ކުރަން ޖެހުނެވެ. އަމީރާއަށް ދޫކޮށްލެވުނީ އުދާސީ ނޭވާއެކެވެ. ކޮންމެ ގޮތެއް ވިޔަސް، މިވަގުތު އިޔާންގެ ކުރިމައްޗަށް ގޮސް އެ ހިތްދަތިކަން އާކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
“ގެޔަށް ދާކަށް ބޭނުމެއް ނޫން.. އެއަށްވުރެން އެމީހުންނާއިއެކު ދިޔުން ކަންނޭގެ ރަނގަޅުވާނީ.. އިޔާންއާ ކުރިމަތިލައިގެން ރޯން ހުރުމަށްވުރެ އެހެން ކޮންމެ ގޮތެއްވެސް މާ އައުލާކަން ބޮޑު” އަމީރާގެ ހިތް ވިސްނައިދިނެވެ. އެންމެ ފަހުން، ބޯޖަހައިލަމުން އެ ދައުވަތު ގަބޫލުކުރިއެވެ. އެހިނދު، އާމިލާއާއި ހައިކަލްގެ ދެލޮލުން އުފާވެރިކަމުގެ ވިދުން ފާޅުވެގެން ދިޔައެވެ. ހައިކަލް ކާރު ނެރެގެން އައުމުން، އާމިލާގެ ފަހަތުން އަމީރާ ވެސް ކާރުގެ ފަހަތު ސީޓަށް އެރިއެވެ.
އިރުއޮއްސުމާއި ގާތްވެފައި ވީ އިރު ވެސް، މަގުން ދުއްވަމުން ދިޔަ އުޅަނދު ފަހަރު މަދެއް ނޫނެވެ. ބިއްލޫރި ގަނޑުން ބޭރަށް ދިއްކޮށްލި ފުރަތަމަ ނަޒަރުން ވެސް ރެސްޓޯރެންޓުގެ ކައިރިއަށް މަޑުކޮށްލި އިޔާންގެ ކާރު ލޮލުގައި އަޅައިގަތެވެ. ދެވަނަ ސިކުންތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އަތު ތެރޭގައި އޮތް ފޯނު ވައިބްރޭޓު ވަމުން ދިޔައިރު ޑިސްޕްލޭއަށް ބަލަހައްޓައިގެން އިނދެވުނެވެ. އެރީތި މޫނު ނުފެނުނު ނަމަވެސް އިޔާންގެ ހިޔަނިވެސް އަމީރާއަކަށް ނޯޅޭނެއެވެ. އެއީ އޭނާގެ ހިތުގެ ކޮންމެ ވިންދަކަށް ދަސްވެފައިވާ ސޫރައެކެވެ. ފަސްދީގެން ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރި އިޔާން، ހައިކަލް ކާރު ދުއްވާލުމާއެކު ލަސްލަހުން ފަނޑުވަމުން ގޮސް ލޯމަތިން ގެއްލިއްޖެއެވެ. ކެތްނުވާ މިންވަރަށް ދެލޮލަށް ކަރުނަތައް ޖަމާވެ، މަންޒަރު ފުސްވާން ފެށުމުން، މޫނުމައްޗަށް އިސްތަށިގަނޑުން ބައެއް ވައްޓާލީ އެ ކަރުނަތައް ފޮރުވުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބުވީ ނުހަނު މަސައްކަތުންނެވެ.
އަމީރާއަށް އަންނަމުން ދިޔަ ބަދަލުތައް އާމިލާއާއި ހައިކަލްގެ ސަމާލުކަމައް އައިސްފާނެ ކަމުގައި ހީވެ، އަމީރާ އެހެން ކަމަކާއި ދޭތެރޭގައި ވިސްނޭތޯބެލިއެވެ. ނޫންނަމަ ބޭޒާރުވުން ގާތެވެ. ކާރުގެ ބިއްލޫރިގަނޑުން މޫނު ޖައްސާލި ހިނދު ފެނިގެންދިޔައީ ކުރިއަށްވުރެން އަނދިރިވެ، ފުސްވެފައިވާ މަންޒަރެވެ. އުޑުމަތީގައި އެއްވެސް ކުލައެއް ނެތެވެ. ހަމައެކަނި ކަޅު ބޯ ވިލާތަކުން މުޅި އުދަރެސް އޮތީ ބައްދާލާފައެވެ. ދެތިން ފުންނޭވާ ބޭރުކޮށްލީ ހަމަޖެހިލުމަށެވެ. ހީވާ ގޮތުން އޭނާގެ ޒަހަމުވެފައިވާ ހިތައް، މޫސުމުގެ ހިތްގައިމު ކަމުން ޝިފާއެއް ހޯދަން ބޭނުންވީއެވެ. ބޯ ވާރޭގެ ސަބަބުން، ކާރުގެ ބިއްލޫރިގަނޑުން ބޭރު ފެންނަނީ ހަމައެކަނި ހިޔަނިތަކެއް ފަދައިންނެވެ. މަގު ބައްތިތަކުގެ ރީނދޫ އަލި، ވާރޭގެ ތިކިތަކުގެ ތެރެއިން ފުރޭނިގެން އަންނައިރު، އެ އަލިކަން މުޅި ފަޒާގެ ތެރެއަށް ފެތުރިފައިވަނީ ދުންފިންޏެއް ފަދައިންނެވެ. ކާރުގެ ވައިޕަރު ބާރުމިނުގައި ހިނގަމުންދިޔަ ނަމަވެސް، ވާރޭގެ ސަބަބުން ކުރިމަތި ފެންނަނީ ވަރަށް އުނދަގުލުންނެވެ. ކޮންމެ ފަހަރަކު ވައިޕަރު ބިއްލޫރިގަނޑު ސާފުކޮށްލުމުން ފެންނަ ހިނދުކޮޅެއްގެ ސާފުކަން، ސިކުންތެއްގެ ތެރޭގައި އަނެއްކާވެސް ވާރޭގެ ފުސްކަމުގެ ތެރެއަށް ގެއްލިގެންދެއެވެ.
ކާރުގެ މަތީ ބިތުގައި ވާރޭގެ ތިކިތައް ޖެހޭ އަޑު ދިޔައީ ކަންފަތުގައި ބާރަށް ގުގުމަމުންނެވެ. އެއީ އޭނާގެ ހިތުގައިވާ ހައިޖާނާއި، ބޭރުގެ މާހައުލާ ދެމެދު އޮތް ގުޅުމެއް ފަދައެވެ. އެ މަންޒަރުން ހިތައް ހަމަ ޖެހުމެއް ނުލިބުނެވެ. ފަޒާގައިވާ އެ އަނދިރިކަމުން އޭނާގެ އުންމީދުތައް ގެއްލިފައިވާ މިންވަރު ސިފަކޮށްދެމުން ދިޔަ ކަހަލައެވެ. ވެހެމުންދިޔަ ބޯ ވާރެއަކީ އޭނާގެ ހިތުގެ ޒަހަމްތަކުން އޮހެމުންދާ ކަރުނައިގެ ތަސްވީރެކެވެ. ހިތައް ނާރުވަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ، ޔަނާލް ގޮވައިގެން އިޔާން ދިޔަގޮތް ސިފަވަނީއެވެ. އެހެނަސް އެ މާހައުލުގައި އިނދެ ރޯން ބޭނުން ނުވާތީ މިފަހަރު ވެސް މަޖުބޫރުވީ ކެތްތެރިވެލާށެވެ. އަވަސް ނޭވާތަކަކާއި އެކު ހިންދިރުވާލަމުން ދިޔަ އިރު، މެޔަށް ބާރުވަމުން ދިޔައީ އުނދަގޫ ގޮތަކަށެވެ.
އަމީރާ ބަލައިލީ ފޯނު ވައިބްރޭޓް ވެގެން ދިއުމުންނެވެ. ނާޔާގެ މެސެޖެކެވެ. ނާޔާ އަހާފައިވަނީ އަމީރާ ކޮބައިތޯއެވެ. އަމީރާ ވިސްނާލިއެވެ. ނާޔާއަށް މެސެޖުން ޖަވާބު ނުދީފިނަމަ ފެނުމުން ސުވާލު ކުރާނެކަން ޔަގީނެވެ. އަނެއްކޮޅުން އޭނާގެ އިންތިޒާރުގައި ނާޔާ އިން އިން އިރު ޖަވާބެއް ނުދީ ހުރުން ރީތިކަމަކަށް ވެސް ނުވާނެތާއެވެ. ބުނަންވާނީ ވެސް ގަބޫލުކުރެވޭ ފަދަ ވާހަކައެކެވެ. އެހާ ވަރުން ނާޔާ އައުމަށް ބުނުމުން ވެސް ނުދެވުމުން އަމީރާގެ ހިތައް ވެސް އުނދަގޫވިއެވެ.
“އާމިލާ ދައްތަ އެދުނީމަ ކުޑަ ކަމެއް ކޮށްލަދޭން މިއައީ.. ސޮރީ، އޯކޭތަ ތެރެޕީ ސެޝަން މިއަދު ކެންސަލް ކޮށްލިއަސް؟” ތުންފަތުގައި ދަތް އަޅުވާލައިގެން އިނދެ މެސެޖެއް ލިއެލިއެވެ.
“އެންމެ ރަނގަޅު، އިޔާ ގޮސް ވީ އެމީ ބަލާ.. ދުށިންތަ؟ ގެއަކަށް ވެސް ނައި.. އިޔާގެ ފޯނަށް ވެސް ގުޅައިފިން ކޮބާތޯ” ނާޔާގެ އިތުރު މެސެޖެއް އައިސްފިއެވެ. އިޔާންގެ ވާހަކަ ނާޔާ އެހުމުން މިހުރިހާ އިރެއްގެ މަސައްކަތުން ނުހަނު އުނދަގުލުން އަމިރާ ކޮންޓުރޯލް ކުރި ޖަޒުބާތުތައް އާލާވިއެވެ. ދެލޯ ފެންކަޅިވާގޮތްވިއެވެ. ހިތައް ވެފައި ހުރި އުނދަގުލުން އަމީރާ، ހިތުގައި އޮތް ގޮތައް މެސެޖް ލިޔުނެވެ.
“ޔާހް، އަންނަނިކޮން ދެކުނިން އަންހެން ކުއްޖަކާއި އެކު ދަނިކޮން” އެ މެސެޖު ފޮނުވާލުމަށްފަހު އަމީރާ ފޯނު ވެސް ނިއްވާލިއެވެ. އިތުރަށް އިޔާންއާއި ގުޅޭގޮތުން ނާޔާ ކޮށްފާނެ ސުވާލަކުން އޭނާގެ ހިތްވަރު ނެތިގެންދާކަށް ބޭނުމެއް ނުވިއެވެ.
“އަޅެ ދެން” ކުއްލިއަކަށް ކާރު ހުއްޓުމާއި އެކު ހައިކަލްއަށް ބުނެވުނެވެ. އޭރު ކާރު ހުއްޓިފައި އޮތީ އެ ގެ ހުންނަ މަގުގައި، ގެޔާއި ކުރިމަތިވާ ގޮތަށް މަގުގެ އަނެއް ފަރާތަށެވެ. އިންޖީނު އަލުން އިސްޓާޓު ކުރުމަށްޓަކައި ދެތިން ފަހަރަކު މަސައްކަތް ކުރި ނަމަވެސް، ކާރުގެ އިންޖީނަކަށް އެއްވެސް ދިރުމެއް ނައެވެ.
“ކިހިނެތް އެވީ؟”
އާމިލާގެ އަޑުގައިވީ ހައިރާންކަމެވެ. ހައިކަލް ވަކި ޖަވާބެއް ދިނުމުގެ ބަދަލުގައި، ދެކޮނޑު އަރުވާލަމުން ގޭތެރެއިން މީހަކަށް ފޯނުން ގުޅާލިއެވެ. މަދު އިރުކޮޅެއްގެ ތެރޭގައި، ކުޑައެއްގެ ހިޔަލުގައި ހުރެ އާދަމް ކާރާ ދިމާއަށް ދުވެލާފައި އައެވެ.
“ދެން ހިނގާ، ހިނގާލާފަ ދާން .. ގޭ ކުރިމަތީގަ އެންނު މިއޮވެވުނީ”
“ނޫނޭ.. ނޫނޭ… އެމީ ތެމޭނެ.. ރޯގާވެދާނެ ”
ހައިކަލްގެ ޖަވާބު އައީ ވަރަށް އަވަހަށެވެ. އެއީ ހަމައެކަނި ބުނެލި ބަހެއް ނޫނެވެ. އެ އަޑުގައި ފޮރުވިފައިވާ އިންތިހާ ދަރަޖައިގެ އޯގާތެރިކަމާއި ކަންބޮޑުވުން އަމީރާގެ ހިތާ ހަމައަށް ވާސިލްވިއެވެ. އަމީރާ އިސްއުފުލާލަމުން ކުރީގައި ހުރި ލޯގަނޑަށް ބަލައިލިއެވެ. އެވަގުތު ހައިކަލްގެ ފުން ނަޒަރު އަމީރާގެ ލޮލާއި ސީދާވިއެވެ. ހައިކަލްގެ އެ ދެލޮލުން ފެނުނު ކުލަވަރުން އަމީރާގެ ހިތަށް ގޮތެއް ވެގެންދިޔައެވެ. އެ ދެލޮލުގައި ހިސާބެއްގެ ތެތްކަމެއް ހުރިހެން ހީވެގެން އަމީރާ ދެވަނަ ފަހަރަށް ޔަގީންކުރުމަށް ބަލައިލި ހިނދު، ހައިކަލް ވަރަށް އަވަހަށް ނަޒަރު ބަދަލުކޮށްލައި ބޭރަށް ބަލަން ފެށިއެވެ.
“އިޓްސް އޯކޭ.. ކުޑަކޮން ދުވެލާފާ ދާނީ” ހައިކަލްއާއި އާމިލާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ނުދީ، އަމީރާ ކާރުގެ ދޮރު ހުޅުވާލައި ބޭރަށް ފޭބިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޮހެމުންދިޔަ ބޯ ވާރޭގެ ތިކިތައް އަމީރާގެ ހެދުމުން ބޮޑުބައެއް ތެތްމާލައިފިއެވެ.
“އެމީ ފިންޏެއް ނުވޭތަ؟.. ބަލާ ތެމެނީނު” އާމިލާ ކުޑައިގެ ދަށުގައި ހުރެ އަމީރާގެ ގާތަށް ހުއްޓުނުއިރު އޭނާގެ ހެދުމުން ވެސް ބައެއް އޮތީ ތެމިފައެވެ. އަމީރާ ހިނިތުންވުމަކާއި އެކު ބޯޖަހާލި ނަމަވެސް، ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނު ވަގުތު އޭނާގެ މުޅި ހަށިގަނޑު ހުއްޓުން އެރިއެވެ. ހިތުގެ ތެޅުން އަވަސްވެ، ބިރުވެރިކަމުގެ ރާޅެއް މުޅި ނަފްސަށް ވެރިވެގަތެވެ. އެގެއާއި ހަމައަށް އޮތީ ކިތަންމެ ކުރު ރާސްތާއެއް ކަމުގައި ވިޔަސް، އަމިއްލަ ބާރުގައި އެންމެ ފިޔަވަޅެއް ވެސް ކުރިއަށް އަޅާ މަގު ހުރަސްކުރުމުގެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.
“އޯވްވް، މައި ޑާލިންގް.. ދީ އަތް” އާމިލާއަށް ވިސްނިގެން އަމީރާގެ އެއް އަތުގައި ހިފާލި އިރު، ފަހަތުން އައި ހައިކަލް އަމީރާގެ އަނެއް އަތުގައި ހިފާލިއެވެ. އެހިނދު އަމީރާއަށް އިޙްސާސް ވެގެން ދިޔައީ މިއިން ދުވަހަކު ތަޖުރިބާނުކުރެވޭ ފަދަ ރައްކާތެރިކަމެކެވެ. އޭނާއަށް ކުރިއަށް ދެވުނީ އެދެމީހުންގެ ބާރުގައެވެ. ކުރުވަމުން ދިޔަ އާދަޔާއި ހިލާފް އިޙްސާސްއިން ގެއްލިފައި ހުރެވެނީއެވެ. ހިތުގައި އުފެދުނު ބިރުވެރިކަމުގެ ކިލަނބުކަން ސިކުންތެއްގެ ތެރޭގައި ފިލައިގެން ހިނގައްޖެއެވެ. ޑިއުޓީއަށް ދިއުމަށް ލައިބާއާއި އެކު ނުކުތް ނަމަވެސް އަމީރާ އެކަނި ދުވަހަކު ވެސް މަގު ހުރަސް ކުރިޔަކަ ނުދޭނެއެވެ. އިޔާންއާއި އެކު ދިޔަސް ވެސް މެއެވެ. އަދި އިރަމް އާއި އެގޭގެ އިތުރު މީހަކާއި އެކު ދިޔަ ނަމަވެސް އަމީރާއަށް ބަލައެވެ.
ނަމަވެސް، މި ވަގުތު އާމިލާއާއި ހައިކަލްގެ ފަރާތުން އެ ލިބުނު އިހުސާސަކީ މުޅިން ތަފާތު، ބަޔާންކުރަން އުނދަގޫ ފުން އަސަރެކެވެ. ހީވަނީ އެތައް ޒަމާނެއް ވަންދެން އެދެމުންދިޔަ ގާތްކަމެއް، ކުއްލިއަކަށް މިލްކުވެގެން ދިޔަ ހެންނެވެ. އަދި އެއީ އޭނާގެ ފުރާނަ އެދި ގޮވަމުންދިޔަ ފޫނުބެއްދޭނޭ ފަދަ ހުސްކަމެއް، ފުރިބާރުވެގެންދިޔަ ފަދަ އިހުސާސެކެވެ. ނޭނގޭ އުފާވެރިކަމެއްގެ އަސަރުން ދެލޮލަށް ޖަމާވި ހޫނު ކަރުނަތައް، ކޯދުލާފައި ފައިބަމުން ގޮސް ހަށިގަނޑު ތެތްމަމުންދިޔަ ފިނި ވާރޭގެ ތިކިތަކާ އެކުވެ، އޭނާގެ އިހުސާސްތައް ދުނިޔެއަށް ސިއްރުކޮށްދީފިއެވެ.
“ވަޓް އިޒް ރޯންގު ވިތް މީ؟.. ވައި؟.. ވައި ދިސް ފީލިންގްސް؟” އޭނާގެ ދެއަތުގައި ހިފަހައްޓާލެވި ފައިވާ ހައިކަލްއާއި އާމިލާގެ އަތައް ބެލެމުން ދިޔައިރު އަމީރާގެ ހިތުގައި ފުންވަމުން ދިޔަ ޖަޒުބާތުތައް ވީ އިތުރެވެ. ހިތް ބުނަމުން ދާ ކަހަލައެވެ. އެދެއަތުން ދޫކޮށްނުލާށެވެ. އެއީ މިހުރިހާ ދުވަހަކު ހޯދަމުން ތިދާ ހިމާޔަތެވެ. ރައްކާތެރިކަމެވެ. އެ ލޯބިވެތި މޫނުތަކުން ކުރިއަށް ވުރެން ބޮޑަށް ވެސް ގާތްކަން އިޙްސާސް ކޮށްދެމުން ދިޔައެވެ.
އެގޭ ތެރެއަށް ވަދެވުމާއި އެކު އެމީހުންގެ ހިދުމަތުގައި ގެއިން ނުކުތް މީހުން ތުވާލިތައް ދިއްކޮށްލިއެވެ. ތުވާލީގައި ހިފަން އާމިލާ އާއި ހައިކަލް، އަމީރާގެ އަތުން ދޫކޮށްލިއެވެ. އެ މޫނުތަކުން ފެނުން އަސަރުން އެކަނިވެސް، އެމީހުންވެސް އެއަތުން ދޫކޮށްލަން ބޭނުންނުވާކަން ޔަގީންވެއެވެ. އާމިލާ ދިއްކޮށްލި ތުވާލި ދެފަރާތު ކޮނޑުމަތީގައި އޮޅާލަމުން އަމީރާ އެގޭތެރެއަށް ނަޒަރެއް ދިއްކޮށްލިއެވެ.
ސަންގު މަރުމަރު ހިލައިން ހަދާފައިފައިވާ ބޮޑު ހޯލުގެ މެދުގައިވާ ގޭ ފެންނަނީ ހުދުކުލައިގެ ގަނޑުވަރެއް ފަދައިންނެވެ. ބޭރުން ހިންގާލާ އެންމެ ކަޅިއަކުން ވެސް އެ ރީތިކަމަށް ހިތް ދޫވާ ހާވެއެވެ. އެހެނަސް އަމީރާގެ މެޔަށް ވެގެން ދިޔައީ ނުބައި ޒާތެއްގެ އުނދަގޫލެކެވެ. ސިކުނޑީގެ ކަނެއްގައި ކޮއްޓަން ފެށީ ސިފަކުރަން ދަތި ފުސްކަމުން ފުރިފައިވާ ހަނދާނެކެވެ. ހީވީ ކަމެއް އަންގާދޭން މަސައްކަތް ކުރަމުން ދާހެންނެވެ. ހުއްޓުން އަރާފައިވާ ހުއްޓާ ބޮލަށް ވާން ފެށި ކުއްލި ތަދާއި އެކު، ހީވީ ކަންފަތް ދޮށުގައި އެތައް ބަޔަކު އެއްފަހަރާއި ވާހަކަ ދައްކަމުން ދިޔަ އަޑެއް ގުގުމަމުން ދިޔަހެންނެވެ. ހީގަނެފައި ހުއްޓާ ވެސް މުޅި ކުއްޖާ ދާހިއްލައިގަތެވެ. މުޅި ތަން އެނބުރިގެންދާ ފަދަ އިޙްސާސަކާއި އެކު، އަމިއްލަ ބޮލުގައި އަމީރާއަށް އަތް ޖައްސާލެވުނެވެ. އެހާ ކެތްކޮށްގެން ހުއްޓާ ވެސް އަރި އަޅާލައިފިއެވެ. އަމީރާ ހީކޮށްގެން ހުރީ ތިރިއަށް ވެއްޓިގެން ދާނެ ކަމުގައެވެ. ނަމަވެސް އޭނާ ވެއްޓުމުގެ ކުރިން ކޮންމެވެސް މީހަކު ހިފެހެއްޓިއެވެ. ކާކުކަމެއް ވެސް އަމީރާއަކަށް ނޭނގުނެވެ. އެ ރިހުން ގަނޑު މަޑު ޖެހިލަން ދެން އެމީހަކު އޭނާގެ ބޮލުގައި މަޑުމަޑުން ފިރުމާލަ ދެމުން ދިޔައިރު، އެކަމުން ވެސް އޭނާގެ ސިކުނޑިގައި ވަކި ހިއްޕާލީ އިތުރު ދުރު ހަނދާނެކެވެ. ނަސީބު ކަންދިމާކުރި ގޮތު ބޮލުގައި ހުރި ވޭނަށް ލުއި އިޙްސާސް ވާން ފެށިއެވެ.
“ވި..ވި” ލޯހުޅުވާލެވޭ ވަރު ވުމުން އަމީރާއަށް ލޯ ހުޅުވާލެވުނު ހިނދު އޭނާގެ މޫނަށް ބަލަހައްޓާއިގެން ހުރި ވިޝާމް ފެނުނެވެ. ވިޝާމްގެ އަތް އަމީރާގެ ބޮލުގައި އެޅުވިފައިވީ އިރު، އެދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ސާފްކޮންފެނުނެވެ. ވިޝާމް ދޫކޮށްލީ އަމީރާ ކޮޅަށް ހުރެވޭ ވަރު ވުމުންނެވެ.
“ޔޫ އޯކޭ؟” ގަދަކަމުން ހީލަމުން ވިޝާމް އަހައިލިއެވެ. އަމީރާ ބޯޖަހައިލި ވިޝާމްގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެއެވެ. ފުރަތަމަ ހައިކަލްއެވެ. ދެން ވިޝާމްއެވެ. ދެމީހުންގެ ދެލޮލުގައި ވެސް އޭނާގެ ނަޒަރު ބައްދަލު ވުމާއި އެކު ފެނުނީ ކަރުނައެވެ. ކިތަންމެ ފޮރުވަން މަސައްކަތް ކުރި ނަމަވެސް، މަންޒަރު ސާފުކޮން ފެނުނެވެ. އަނެއްކާ އެގޭ މީހަކު ފެނުމުން އޭނާއަށް ކުރެވޭ އިޙްސާސް، އޭނާ ފެނުމުން އެމީހުންނަށް ވެސް ކުރެވެނީބާއެވެ. ހާއްސަ ގޮތެއްގައި އާމިލާގެ މޫނުން އޭނާއަށް ތަފާތު ފެނެއެވެ.
“އެމީ، ކިހިނެތްވީ؟ އާދޭ އެތެރެއަށް” ދޮރާއި ހިސާބުގައި ވިޝާމްއާއި އަމީރާ ހުއްޓި ހުރިތަން ފެނުމުން އާމިލާ ގޮވާލިއެވެ. އަމީރާ އަވަސް އަވަހަށް ބޯޖަހައިލިއެވެ.
“މްމް، ކަމް.. ޗޭންޖު ކޮށްލަން.. ޒަން އެބައުޅޭ މަތީގަ” އެހެން ފަހަރުތަކާއި ހިލާފަށް ވިޝާމްގެ އަޑުވެސް މަޑެވެ. އެއަޑުގައި ހުރީ މާނަ ކުރަން ދަތި އަސަރެކެވެ. އަމީރާ ލަސްލަހުން ބޯޖަހައިލިއެވެ.
ވިޝާމްގެ ފަހަތުން މައްޗަށް އަރައިގެން ދިޔައިރު، މުޅި ގޭތެރެއަށް ކަޅި އުކެމުންދިޔައެވެ. ހީވަނީ ކުޑަ އަންހެން ކުއްޖެއްގެ ހުނުން ދޭތެރެއަކުން އިވިލާހެންނެވެ. ކަޅި ޖަހައިލަން ވެސް ނޭނގިފައި އަމީރާއަށް ބެލެމުން ދިޔައިރު، އެ ހަތަރު ފާރު އެތެރެ މީގެ ކުރިން އެތައް ފަހަރަކު ފެނިފައިވާ ކަމަށް ހިތް ބުނަމުންދާ ކަހަލައެވެ. ކުރެވެނީ އަމިއްލަ ވަޒަނަށް އެތައް ދުވަހަކަށް ފަހު ވަދެވުމުން ކުރެވޭ ފަދަ އިޙްސާސެވެ. އެހެންވާންވީ ކީއްވެ ހެއްޔެވެ. މެދު ކެނޑުމެއް ނެތި އެ ފިކުރުތައް އޭނާގެ ހިތައް އައިސް ނުފިލާ ހުންނަނީ ކީއްވެހެއްޔެވެ. މިކަންތަކާއި ހުރެ އޭނާގެ ބޮލުގައި ރިއްސައެވެ. ސިކުނޑި ހާސްވެފައިވާ ވަރުން، ބޭނުންވީ ހިތް ފުރެންދެން ރޯލުމަށެވެ. ނުހަނު ކެތްތެރި ވެލައިގެން އަމީރާ ހުއްޓެވެ. އޭރުވެސް ހީވީ ދެންމެ ދެންމެ އޭނާއަށް ރޮވެން އުޅުނު ހެންނެވެ.
ކޮޓަރީގެ ދޮރު ހުޅުވާލާފައި ވިޝާމް އެތެރެއަށް ވަނެވެ.
“ވަދޭ”
ވިޝާމް ދައުވަތު ދިނުމާއި އެކު އެތެރެއަށް ވަތް އަމީރާއަށް ޒަންޔާ ފެނުނު ހިނދު އެހުރިހާ އިރު ހިފަހައްޓާއިގެން ހުއްޓާ ވެސް ލޮލުން ފެންތައް ފޭބިއެވެ. އަޑު ބޭރުވެދާނެތީ އަނގަމަތީގައި އަތް އަޅުވާލިއެވެ. ވިޝާމްއަށް ފުރަގަސް ދީގެން ހުރުމުން އަމީރާއަށް ވަމުން ދިޔަ ގޮތް އޭނާއަކަށް ނުފެނެއެވެ. ޒަންޔާ އަތުގެ އިޝާރާތުން ބޭރަށް ނުކުތުމަށް އިޝާރާތް ކޮށްލުމުން، ބޯޖަހާލާފައި ވިޝާމް ނުކުތެވެ.
“އެމީ، ވަޓް ހެޕެންޑް؟” ވިޝާމް ނުކުމަތް ހިނދު ދުވެލާފައި އައިސްގެ ގައިގާ ބައްދާލިއެވެ. އިތުރަށް ނުހިއްފަހައްޓާ ރުއިމުގެ އަޑުވެސް އަމީރާއަށް ބޭރުކޮށްލެވުނެވެ.
****
އިޔާންއާއި ނާޔާ މަޑުކޮށްލައިގެން ތިބީ ގޭގެ ޓެރެހުގައެވެ. ހިއާކޮށްފައި ބައިގެ ރެއިލިންގައި އިޔާން އަތް އަޅުވާލައިގެން ހުރިއިރު ނަޒަރު ހުރީ ބޭރަށް ވެހެމުން ދިޔަ ވާރޭގެ ތެރެއަށެވެ. އެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.
”އެމީއަށް ފެނުނީތަ ޔަނާލް ގޮވައިގެން އައި މަންޒަރު؟” ނާޔާ އަހައިލިއެވެ. އޭރު އަޑުގައި ހުރީ ސީރިއަސް ކުލަވަރެކެވެ.
“ހީވަނީ ފެނުނީހެން.. އެހެންވެ ތިހެން މެސެޖް ކުރާނީ” ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނު އިރު އިޔާންއަށް ދޫކޮށްލެވުނީ އުދާސްކަމުން ފުރިގެންވާ އާހެކެވެ. އެމޫނުމަތިން ހިސާބަކަށް ދެރަވެފައި ހުރިކަން ވެސް ހެކިދެއެވެ. ” މުޅީން ވެސް އެމީގެ ލޯމައްޗަށް މި ދެއްކެނީ ދެރަވާ ކަހަލަ މަންޒަރު..”
“އުމްމް ދޮންތަ ވާހަކަ ދައްކާނަން އެމީއާއި.. މިހާރު ޔަނާލް ފޮނުވާލައިފިންތަ؟”
“އޭނަ ކައިރީގަ ބުނިން މިރޭ އަށެއް ޖެހުމުގެ ކުރީން ނުކުންނަން.. އެހެން ނޫނީ ގެއަށް މީހުން ވައްދައިގެން ވެސް ނެރޭނަމޭ.. ރޮއެ ރޮއެފަ ވެސް އާއެކޭ ބުނި…. ނުވައެއް ޖަހަނީނު، މިހާރު ގޮސްފާނެ “އިޔާން ބުނެލިއެވެ.
“އޭނަ ކީކުރަންތަ ސްޓޭޝަނަށް ދިޔައީ؟”
“ގޯލްޑެން ފޯކް ބިއްދޮށުގައި އިންނަ ކްލިނިކަށް އޭނަ ދައްކަން ޖެހެއޯ ޑެއިލީކޮން.. މިއަދު ނިމިގެން އެ މަގުން ގެއަށް އަންނަނިކޮން ވިއްސާރަ ބޯކޮށްލީމަޔޯ އެތަނަށް ވަންނަން ޖެހުނީ.. މަ ގަބޫލު ނުކުރަން ވެގެން ބަވާލީމަ، ދެއްކި އަތުގަ ހުރި މެޑިކަލް ޑޮކްސް ވެސް.. ތި މަންނަ މި ބަލި ޖެހުނު ފަހުން ވަރަށް ފިންޏަށް ބަލިވާނެއޯ، ގެޔަށް ގޮސްދެވޭނެހޭ ބުނީމަ ދެން ގެނެސްދިނީ.. އެކަމަކު ދޮންތައަށް އެމީ މެސެޖް ފޮނުވި ވާހަކަ ބުނީމަ ވަގުތުން ނުކުންނަން މިބުނީ.. ބޭނުމެއް ނޫން އިތުރު މިސްއަންޑަސްޓޭންޑިންގްއެއް ކްރިއޭޓް ވާކަށް.. އެދުވަހަށް ފަހު އަދިވެސް މިއުޅެނީ ވާހަކަ ނުދެއްކިގެން.. ފުރަތަމަ ޔަނާލް ބަހައްޓަން އެއްބަސްވި ހިސާބުން އެމީ ދެރަވީ.. ޑިސްޓޭންސް ވެގެން އުޅެނިކޮން މާކިންގެ ހަބަރު ލިބުނީ.. ދެން އެ ޕެއިންގަ ހުރެފަ މަ ފެނުނީމަ އިތުރަށް ދެރަވީ.. އެމީއަށް އެހުރިހާ ކަމަކާއި އެއްފަހަރާ ސްޓްރަގުލް ކުރަން ޖެހުނީމަ ކެތްނުވެގެން އެދުވަހު އިޓްސް އޯވާރ އޭ ބުނީ.. އޭގެ ފަހުން ވާހަކަ ދައްކަން ބޭނުންވެގެން މަ ދާ ކޮންމެ ފަހަރަކު އިގްނޯރ.. އަދި ދެން މި ޔަނާލް އެބަ ފާޅުވޭ ކޮންމެ ފަހަރަކު.. ލިފްޓު ކައިރިން ވެސްދެން މިއަދު މިވީ ކަންތައް ވެސް.. އާހްހް” އިޔާންގެ ބޮލުގައި ދިޔައީ ރަނގަޅަށްވެސް ރިއްސަމުންނެވެ. ނާޔާގެ މޫނުން ވެސް ފެނިގެން ދަނީ ހަމްދަރުދީއެވެ.
“ހަމަޖެހޭ އިޔާ..ދޮންތަ މިބުނީއެއްނު ވާހަކަ ދައްކާނަމޭ.. އިރާދުކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. މިއަދު ތެރަޕީ ސެޝަން ކެންސަލް ވީ.. އެހެންވެ މިކަން މި ނުވީ ވެސް.. ކޮން އިރަކުންތަ ދޮންތަބެއަށް އެމީގެ ވާހަކަ ކިޔައިދޭނީ؟” ނާޔާ އަހައިލިއެވެ. އަމީރާގެ ފަރުވާގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ ނާޔާގެ ބެލުމުގެ ދަށުންނެވެ. އަނެއްކޮޅުން ނާޔާއަށް ކުރީން ވެސް ހުރިޙާ ވާހަކައެއް ކިޔައިދީ ފައިވާތީ، އަމީރާއާއި ހައިކަލްއާއި އާމިލާގެ އޮތް ގުޅުން ބުނެދިނެވެ. އަދިވެސް ފަހުން އެނގުނު ހުރިހާ މައުލޫމާތެއް ދެންމެ އިޔާން ކިޔައިދިނެވެ. އަދި މިއަދު ސޯދިގުގެ ފަރާތުން އެނގުނު ކަންތައްތައް ވެސް ނާޔާއަށް ކިޔައިދިނެވެ. އެކަމުން ބޮޑު ޝިހުމެއް ލިބުނެވެ. އަމީރާއާއި މެދު އިހުނަށްވުރެން ބޮޑަށް ހަމްދަރުދީވިއެވެ.
“މިރޭ ކިޔައިދީ.. މިއަދު ސަދަފްއާއި ދެމީހުން ކޮފީއަށް ގޮސްފަ ވެސް އެވާހަކަ ދެއްކިން.. ދޮންތަބެ އަށް ސިއްރު ކޮށްފަ ބޭއްވުމުގެ އެއްވެސް މާނައެއްނެތް.. ވިޝާމްއަށް ވެފަ ހުރި ގޮތުން އޭނައަކަށް ގައިމުވެސް ނުކިޔައިދެވޭނެ.. ސަދަފް ވެސް ބުނި އެންމެ ރަނގަޅު ވާނީ ދޮންތަ ކިޔާދިނިއްޔާއޭ.. އެކަމަކު ކެތްތެރިވާން ހަނދާން ކޮށްދޭތި.. އެމީގެ މެމޮރީޒްއެއް ނެތި އަދި މާކިން މެން ރާއްޖެ ނުގެނެވެނީސް، އަހަރެމެން އެކަމާއި އުޅޭކަން ޝާއިރާއަށް އެނގިއްޖެއްޔާ ވަރަށް ގޯސްވާނެ… ހޫގޯގެ ކޮންމެވެސް ބަޔަކު ލައްވާ އެމީހުން ފޮރުވާވެސް ފާނެ” އިޔާން ކިޔައިދިނެވެ. ފިނި ނޭވާއަކަށް ފަހު އެކަމާއި އެއްބަސް ވުމުގެ ގޮތުން ނާޔާ ބޯޖަހައިލިއެވެ.
ޔުމާން ބަލައި އައިސް ގުޅަން ފެށުމުން ފޯނު ދައްކާލާފައި ނާޔާ ތިރިއަށް ފޭބިއެވެ. ނާޔާ ތިރިއަށް ފޭބި އިރު ޓެރެހުގެ ފަހަތު ދޮރުން މީހެއްގެ ހިޔަނި ވީހެން ހީވިއެވެ. ނަމަވެސް ޔުމާން ދެވަނަ ފަހަރަށް ގުޅަން ފެށުމުން އެކަން މާ ބޮޑުކަމަށް ނުހަދާ އޭނާ ތިރިއަށް ފޭބިއެވެ.
****
ރީތިވާ މޭޒު ކުރިމަތީގައި ހުރެ އިރަމް ތައްޔާރު ވަމުން ދިޔައީ އެކުވެރިއަކާއި އެކު ބޭރަށް ދިއުމަށެވެ. ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް އޭނާ ފުން ނަޒަރެއް ދިނެވެ. ކަޅުކުލައިގެ ދޫ ޖީންސާއި އަޅިފުސް ކުލައިގެ ސްވެޓަރގައި އޭނާ ފެންނަލެއް ނުހަނު ލޯތްބެވެ. ރޭގެ މޫސުމާއި ވެސް އެކަށޭނަ ހެދުމެކެވެ. ކިތަންމެ ވިއްސާރަ ނަމަވެސް، ކުލާސް ނިމިގެން ދެމީހުން ގެއަށް އައީ އެރޭ ބޭރަށް ކާންދާން ނިންމައިގެންނެވެ. އަމީރާ ހުރި ނަމަ އިރަމް ގަސްތުކޮށްގެން ހުރީ އަމީރާ ވެސް ގޮވައިގެން ދިއުމަށެވެ. ނަމަވެސް އިރަމް ގެއިން ނުކުންނަ ވަގުތު ޖެހުނު އިރުވެސް އަމީރާގެ ހިލަމެއް ނުވިއެވެ.
“އެގެއިން ނާންނަނީ ކަންނޭގެ” އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން، މަޑު ރަތްކުލައި ލިޕްސްޓިކަކުން ތުންފަތް ފަވާލަމުން އިރަމް ލޯގަނޑަށް ބަލައިލިއެވެ.
ނަމަވެސް، ތުންފަތަށް ހުއްޓުނު ނަޒަރާއެކު އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ހަނދާނުގެ އޮއިވަރުގައި ސަދަފްއާއެކު ހޭދަވި އެންމެ ފަހުގެ ވަގުތުކޮޅު ނިއުޅެން ފެށިއެވެ. އަމިއްލަ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލެވުނުއިރު، އިހުސާސްތައް އުތުރި އަރައިގަތެވެ. މަޑުމަޑުން ދެލޯ މަރާލެވުނުއިރު، އެ ހިތްގައިމު މަންޒަރު ހީވީ އޭނާގެ ލޯމަތިން އަލުން ސިފަވެގެން ދިޔަހެންނެވެ.
“އާހްހް، އޭމް އައި ފެންޓަސައިޒިންގް އެބައުޓް އިޓް؟” ތެޅިގަނެފައި ދެލޯ ހުޅުވާލަމުން އަވަސް އަވަހަށް އިރަމްއަށް ދެފަރާތައް ބޯ ހޫރުވާލެވުނެވެ. އޭރު ލަދުން ގޮސް މުޅި މޫނަށް ވަނީ ޖަންބުކުލަ ފާއްދާލާފައެވެ. އަމިއްލަ ސޫރައަށް ވެސް ބަލަން ނުކެރިގެން އިރަމް އަވަހަކަށް ލޯގަނޑު ކައިރިން ދުރަށް ޖެހިލިއެވެ. މޫނުމަތިން ފެންނަމުން ދިޔަ ލަދުރަކި ކަމާއި އެއްވަރަށް ރަކި ހިނިތުންވުމެއް ތުންފަތުގައި ކުޅެލިއެވެ.
އޭނާ އަތްދަބަސް ހިފައިގެން ނުކުންނަން ދިޔަ ވަގުތު އެނދުމަތީގައި އޮތް ފޯނު ރިންގުވަމުން ދިޔަ އަޑަށް ސަމާލުކަން ދެވުނެވެ. އިރަމް ފޯނާއި ގާތައް ދިޔައެވެ. އޭނާ ހީކުރީ ގުޅަމުން ދިޔައީ އަމީރާ ކަމަށެވެ. ނަމަވެސް ޑިސްޕްލޭއަށް އަރާފައިވާ ސަދަފްގެ ނަން ފެނި ހަރަކާތްތައް މަޑުޖެހިލިއެވެ. ފޯނު ރިންގުވަމުން ގޮސް ކެނޑުނު އިރު ވެސް ނަގާކަށް ނުކެރުނެވެ. ދެވަނަ ފަހަރަށް ވެސް ސަދަފް ގުޅިއެވެ. ހަމަ އެއިން ގޮތައް އިނދެވުނީއެވެ. ތިންވަނަ ފަހަރަށް އޭނާ ގުޅާނެ އިރެއްގެ އިންތިޒާރުގައި އިންދާ ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް ޓަކި ޖަހަން ފެށިއެވެ.
“ސާބަހޭ ދޮންބޭ، ހުޅުވާފައޭ ތިހުރީ” ޓަކި ޖަހަމުން ދިޔަ ގޮތުން އިޔާން ކަން ދެނެގަންނާކަށް އިރަމްއަކަށް އުނދަގުލެއް ނުވިއެވެ.
އިޔާން ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. މޫނުމަތިން ކޮންމެވެސް ވަރެއްގެ ލާނެތް ކަމެއް ފެނެއެވެ. އެއްޗެއް ނުބުނެ އިރަމްގެ މޫނަށް ބަލަމުން ދިޔަ ގޮތުން އިރަމް ނިތްއަރުވާލިއެވެ.
“ވޯހް، ބިއުޓިފުލް.. ޝެޑީ ކައިރިއަށް ދާންތަ ތިހާ ރީތި ވެގެން ތިއިނީ؟” އިޔާންގެ ލާނެތް ޖުމްލައިން އިރަމްގެ ދެލޯ ބޮޑުވިއެވެ. އެހެން މީހުން ދިމާ ކުރި ނަމަވެސް އެހާ ފާޅުގައި އިޔާން ދިމާކޮށްފާނެ ކަމަކަށް އިރަމް ހިތަކަށް ވެސް ނާރައެވެ. ގަތް ލަދު ފޮރުވަން އެނދުމަތިން ބާލީހެއް ނަގާ އިޔާންގެ ގައިގާ ޖެހިއެވެ.
“ސާބަހޭ.. އިރޫ ނޫޅެން އޭނައާއި އެއްކޮން ދާކަށް.. ވާހަކަ އެއް ވެސް ނުދައްކަން…ދެން ދޮންބެ ވެސް ދޯ.. ”
“ހޫމްމް ހޫމްމް ވަރަށް ހީވޭ ވާހަކަ ނުދައްކާ ތިބެދާނެ ހެން.. އޮޅިގެން ވެސް އެއްބަސް ނުވާތި” އިޔާން ވާހަކަ ދެއްކީ އެ ލާނެތް ރާގުގައެވެ. އަދިވެސް ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ.
“ކާކަށްތަ ގުޅައިގެން ތިއުޅެނީ.. އިރޫ މިއުޅެނީ ކުލާސް ބޯއީ އަކާއި އެއްކޮން ޑިނަރ އަކަށް ދާން ވެގެން” އިރަމް ތުން ނެރެލިއެވެ. އެއާއި އެކު އިޔާން ކަރުކެހިލިއެވެ. އަދި އޭނާގެ ފޯނު ދައްކާލިއެވެ. ސުކްރީނުގައި ފެންނަން އިނީ ސަދަފްގެ ނަމެވެ. ވަގުތުން އިރަމްގެ އަނގަ ސަކަރާތްވިއެވެ. ލަދުގަތްކަން ފޮރުވާލަން ކަރުކެހިލިއެވެ. އެކަމަކު ބުނާނެ އެއްޗެއް ނޭނގުނެވެ. އެހެން ހުއްޓާ ސަދަފް ފޯނު ކަނޑާލިތައް ފެނުނެވެ.
“ދެން ތިހެން ހަދަން ވާނެތަ.. އޭނަ އެއުޅެނީ އިރޫ ފޯނު ނުނެގީމަ ދެލޮލަށް ނިދި ނައިސްގެން..” އިޔާން ހިނިއައިސް ހުރެ ބުނެލިއެވެ. މިފަހަރުވެސް އިރަމް އެއްޗެއް ނުބުންޏެވެ. އޭނާ ބަލަމުން ދިޔައީ ސަދަފްގެ ވާހަކަ ދައްކަމުން ދިޔައިރު، އިޔާންގެ މޫނުމަތިން ނުރުހުމުގެ ކުލަވަރެއް ފެނޭތޯއެވެ. އިޔާން އަލަށް ސަދަފްގެ ވާހަކަ އޭނާގެ ގާތުގައި ދެއްކުމުން އިރަމްއަށް ލިބިފައިވާ ހައިރާންކަން އަދިވެސް ނުފިލައެވެ.
“ސާބަސް، ހީވަނީ ބިރެއް ފެނިގެން ބަލަން ހުރިހެން.. އިރޫ، ދޮންބެ ހަމަ ކޫލް އޭ .. އިރެއްގަ ކުނިޖެހިފަ އޮތަސް ހުރިހާ ކަމެއް ކްލިއާރ ވެފަ އިނީ.. އިރޫ ލޯބިވަންޏާ ހަމަ ކުރިއަށް ގެންދަންވީ.. އެކަމަކު ޝަރުތެއް އެބައިން” އިޔާން ބުނެލިއެވެ. އެހިނދު އިރަމް ބަހަކުން ބަހެއް ނުބުނެ ވެސް، އޭނާގެ ބަލަހައްޓައިގެން ހުރީ ޝައުގުވެރިކަމާއި އެކުގައެވެ.
“ޑޯންޓް އެވަރ ހާޓް ހިމް .. ހީ ހޭޒް އޯލްރެޑީ ސަފަރޑް އިން ސައިލެންސް.. އެންމެ ދުވަހަކުނޫން، އެތައް އަހަރެއް ވަންދެން.. އެނގެއެންނު އަހަރެމެން ދެމީހުން ވާހަކަ ދައްކަން އަލުން މި ފެށީ ކިހާ ޒަމާނެއް ވަންދެން އެނިމީޒްގެ ގޮތުގަ އަނގައިން ނުބުނެ ތިބުމަށް ފަހު ކަން.. ދެން އިރޫއާއި އޭނާ އާއި ގުޅިފަ ދެމީހުން މައްސަލަ ޖެހިގެން ދޮންބެ ބޭނުމެއް ނުވޭ އޭނައާއި ދޮންބެ އޮންނަ ގުޅުމަށް ނިމުން އަންނާކަށް.. އެކަން ހަނދާނުގަ ބަހައްޓާނެ ކަމަށް އުއްމީދު ކުރަން” ސަމާސާގެ ރާގެއްގައި ވާހަކަ ދައްކަމުން ގޮސްވެސް، އެ ވާހަކަ ނިމުނު އިރު އިޔާންގެ އަޑުގައި ހުރީ ސީރިއަސް ކުލަވަރެކެވެ.
“ދޮންބެ، އަދި އޭނަ ނުވެސް އަހާ.. ރަނގަޅަށް ވާހަކަ ދައްކާވެސް ނުލެވޭ” އިރަމްއަށް މަޑުމަޑުން ބުނެލެވުނެވެ. އެހިނދު އިޔާންގެ ފުށުން އިވިލީ ލުއި ހިނިތުންވުމެއްގެ އަޑެވެ.
“ހަހަހަ، އަދި އެކޭނު ތިބުނީ.. އަދު ނޫން މާދަމާ އަށް ވެފަ އޮތް ކަމެއްނު ތިއީ.. ކޮންމެވެސް ދުވަހަކުން ޝެޑީ އެހިޔަސް، ދޮންބެ މިބުނި ވާހަކަތައް ހަނދާނުގަ ބަހައްޓައްޗޭ” އިރަމްގެ އަތުގައި ހިފާލަމުން އިޔާން ބުނެލިއެވެ. އިރަމްގެ ތުންފަތައް ވެރިވެގެން ދިޔައީ ފަނޑު ހިނިތުންވުމެކެވެ. އިޔާންގެ ބަސްތަކުން ހަގީގަތުގައި އިރަމްގެ ހިތައް ލިބުނީ ބަޔާން ކުރަން ތަދި ހިތްހަމަ ޖެހުމެކެވެ.
“މިހެން ބުންޏަސް، ޝެޑީގެ ފަރާތުން ވެސް އިރޫއަށް ހާޓް ވާ ކަހަލަ ކަމެއް ކުރިމަތިވެއްޖެއްޔާ ބުނައްޗޭ، އައި ކޭންޓް ވޮޗް އެނީ އޮފް ޔޫ ސަފާރ.. ޖަސްޓް ޓެލް މީ އޯކޭ” އިޔާން ވާހަކަ ދެއްކި ގޮތުން ލިބުނު ހިތްހަމަ ޖެހުމުގައި ޖަޒުބާތީ ވީވަރުން އިރަމްގެ ދެލޯތެމޭ ގޮތްވިއެވެ. އިޔާންގެ މެދުހަށީގައި ބާރަށް ބައްދާލެވުނެވެ. ތުންފިއްތާލަމުން އިރަމްއަށް ރޮވުނީއެވެ. އިރަމްގެ ބޮލުގައި އިޔާން ފިރުމާލަމުން ރީތި ހިނިތުންވުމެއްގައި ހުއްޓެވެ. އަމީރާގެ މަތިން ހަނދާންވެ އަމިއްލަ ހިތް ފުނޑެމުން ދިޔަ އިރުވެސް، ކޮއްކޮގެ ކުރިމަތީގައި އެކަން ނުދައްކާ އެ ހިނިތުންވުން ފުޅާކޮށްލިއެވެ.
“އާހް، ކުޑަ ކުޑަ އިރޫ ބޮޑުވީ ދޯ.. ލޯބިވެސް ވާން އެނގިއްޖެ.. އެކަމަކު މިގޭ ކައިރީގަ ކުރިން އުޅުނު ބޭރު ސޮރަށް ހެދިހެން، ޝެޑީއަށް ނަހަދައްޗޭ ..ހަހަހަ” އިރަމް ރޯ މަންޒަރު ފެނި ހެއްވާލަން އިޔާން ބުނި ވާހަކައަކުން އިރަމް ވަގުތުން ދުރަށް ޖެހިލިއެވެ. ކަރުނަތަކާއި އެކު އިޔާންގެ މޭގައި ތަޅައިގަނެ ދެނޭ ބުނެ ކުސްތަޅާލިއެވެ.
“ދެން ދޮންބޭ .. ނުވާނެ އެނގޭ އޭނަ ކައިރީގަ އެހެން ކިޔައިގެން.. ލަދުން މަރުވާނެ ޔަގީން.. އަދި ހަނދާން ވެސް ގަދައޭ މިމީހުން އެކަހަލަ ކަމެއްގަ ވިއްޔާ” ދެލޮލުގައިވި ކަރުނަތައް އިރަމް ފުހެމުން އިޔާންއަށް ލޯ އަޅާލިއެވެ.
“ނޫޅޭމޭ ކިޔާކަށް..ހަހަހަ، ނީޝް މެން މީހަކު އެކަމަކު ކިޔާފާނެ.. ހަހަހަ” އެ ހާދިސާ ހަނދާން ވީވީހެން އިޔާންއަށް ދިޔައީ ހެވެމުންނެވެ. އިރަމްވެސް އެންމެ ފަހުން ހޭން ފަށައިފިއެވެ.
“އެއޮތް ގުޅަނީ އަނެއްކާ، ދެން ވެސް ނަގާބަލަ” އެނދުމަތީގައި އޮތް އިރަމްގެ ފޯނަށް އިޝާރާތް ކޮށްލަމުން އިޔާން ބުނެލިއެވެ. އިރަމްއަށް ވަގުތު ދިނުމުގެ ގޮތުން އިޔާން މިސްރާބު ޖެހީ ކޮޓަރިން ނުކުންނާށެވެ. އެކަމަކު އިރަމް ގޮވާލުމުން ހުއްޓާލިއެވެ.
“އައި ލަވް ޔޫ ދޮންބޭ”
އިރަމް ގޮވާލުމުން އިޔާން ހިނިތުންވެލަމުން ‘ފްލައިންގް ކިސް’އެއް ފޮނުވާލިއެވެ. އެއަށްފަހު ދޮރު ލައްޕާލާފައި އޭނާ ނުކުތުމުން އިރަމް ފޯނު ނަގަން ބަލައިލި އިރު އޮތީ ކޯލް ކެނޑިފައެވެ. ނަމަވެސް ސަދަފްގެ މެސެޖެއް އައިސް އޮތެވެ.
“ނުކުމޭ” މެސެޖް ކިޔާލި އިރު އިރަމްއަށް ނިތް އަރުވާލެވުނެވެ.
“ހަހް، އަމުރު ކޮށްލާފަ..” އަނގަހަދާލައިގެން ހުރެ އެންމެ ފަހުން އިރަމް ތެދުވިއެވެ. ގޭގައި ކުޑަ ކަމެއް ޖެހިގެން ނުދެވޭނެއޭ ބުނެ އެކުވެރިއާއަށް މެސެޖް ކޮށްލިއެވެ. އިރަމް ނުކުތް އިރު ލިވިންގް ރޫމު ސޯފާތަކުގައި ނަދީމްއާއި މަޖުދާގެ އިތުރުން އިޔާން އިނެވެ. އޭނާ ފެނުމުން އިޔާން ލާނެތް ހިންޏެއް ހީލިއެވެ. އިޔާންއަށް ލޯ އަޅާލާފައި އިރަމް ބަލައިލީ ނަދީމް ގޮވާލުމުންނެވެ.
“ދަރިފުޅާ ކޮންތާކަށް މިއޮތް ވިއްސާރައިގަ؟” ނަދީމްގެ ސުވާލާއި އެކު އިރަމްއަށް ބަލައިލެވުނެވެ.
“ކުލާސް ކުއްޖަކާއި އެއްކޮން ބޭރަށްދޯ.. ދެންމެ ބުންޏޭ ދާ ވާހަކަ” ނަދީމްގެ ސުވާލަށް އިޔާން ޖަޥާބު ދިނެވެ. އެއާއި އެކު ނަދީމް ބޯޖަހައިލަމުން ލަސްނުކޮށް އަންނަން ބުނެފައި އަނެއްކާ ވެސް ޓީޥީއިން އެވަގުތު ދައްކަމުން ދިޔަ ޕްރޮގްރާމަށް ގެއްލުނެވެ. ލިބުނު ހިތްހަމަ ޖެހުމުގައި އިޔާންއަށް ހިނިތުންވެލަމުން އިރަމް ގެއިން ނުކުތެވެ.
އެންމެފަހު ވަގުތު ބޭރަށް ދިއުން ފަހަށް ޖައްސާލުމުން އެކުވެރިޔާ ދިޔައީ އެކަމާއި ނުހަނު ހިތްހަމަނުޖެހުން ފާހަގަކުރަމުންނެވެ. ލިފްޓުން ތިރިއަށް ފޭބި ވަގުތުވެސް އިރަމްގެ ސަމާލުކަން ހުރީ އެކުވެރިޔާގެ ހިތްހަމަ ޖައްސާލަ ދިނުމުގެ ގޮތުން އޭނާ ކުރަމުން ދިޔަ މެސެޖުތަކަށެވެ. އެ މަސައްކަތް ނިންމާލީ ގޭޓުން ބޭރުވެވުނު ހިނދު ހަށިގަނޑަށް އިޙްސާސްވެގެން ދިޔަ ހިމަފޮދުވާރޭގެ ސަބަބުންނެވެ. ކޮންމެވެސް ވަރަކަށް ތެމެން ފެށުމުން ގޭޓުން އެތެރެވިއެވެ. އޭރު އެކުވެރިޔާވެސް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައިވުމުން ފޯނު ޖީބަށް ކޮއްޕާލިއެވެ.
ބޯ އަރިކޮށްލަމުން އިރަމް ހޯދާލީ ސަދަފް ފެނޭތޯއެވެ. އިރުކޮޅެއްގެ މަސައްކަތުން ސަދަފް ހުރި ދިމާ ފާހަގަވިއެވެ. ކާރު ޕާކުކޮށްފައި އޭނާ ހުރީ ކާރާ ނިވާވާހެން ފާރުގައި ލެނގިލައިގެންނެވެ. އިރަމް ދުވެލާފައި ގޮސް ސަދަފްގެ ކުރިމައްޗަށް ހުއްޓުނެވެ. ކަޅުކުލައިގެ ވިއްސާރަ ކޯޓުގައި އެ ބިޔަ ހަށިގަނޑު ފެންނަލެއް ނުހަނު ފުރިހަމައެވެ. ކަޅު ސޯޓުގެ ދެ ޖީބަށް އަތް ޖަހާލައިގެން ހުރި ސަދަފް، ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުރީ ސީދާ އިރަމްގެ މޫނަށެވެ.
“ކިހިނެތްވީ؟ އަމުރުކޮށްފަ އަންނަން ބުނީ؟” ސަދަފް ބަލާވަރުން އިރަމްއަށް ލަދުން އިސްޖަހާލެވުނެވެ. ކުރިމަތީގައި ހުރެވުނު އިރުވެސް ހީވީ އެ މޫނުން ހިނދުކޮޅަކަށް ވެސް ނަޒަރު ވަކިކޮށްލަން ބޭނުން ނުވެފައި ހުރިހެންނެވެ. އެގޮތުގައި ބަހެއް ބުނުމެއްނެތި ހުރެފައި، ސަދަފް ކާރަށް އަރަން މިސްރާބު ޖެހިއެވެ. ދޮރުފަތް ހުޅުވާލާފައި އޭނާ ބަލައިލީ އިރަމްގެ މޫނަށެވެ. އިރަމް ހުރި ފިޔަވަޅުމަތީގައި ހުރުމުން، އެ އަތުގައި ހިފައިގެން ގެނެސް ކުރީ ސީޓަށް އެރުވިއެވެ. ސަދަފް ކިތަންމެ ވަރަށް އިރަމްގެ މޫނަށް ބެލި ނަމަވެސް އޭނާގެ މޫނުން ނުރުހުމާއި ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. އިރަމް ހުރީ ވާނުވާ ނޭނގިފައެވެ. ސަދަފް އަރާ ދޮރު ޖަހާފައިވެސް ވާހަކަ ދައްކާކަށް ނޫޅުނެވެ. ވިއްސާރަ ކޯޓު ގަޔާއި ވަކިކޮށްލަމުން އެވެސް ފަހަތައް އެއްލާލިއެވެ. ދެން އަނެއްކާވެސް ފެށީ އިރަމްގެ މޫނަށް ބަލާށެވެ. މޫނުމައްޗަށް އަސަރެއް ވެރިކޮށްނުލާ އިނދެ ބަލާ ގޮތުން އިރަމްއަށް އެންމެ ފަހުން ކެތްނުވެގެން ވާހަކަ ދައްކަން ފެށުނެވެ.
“ސަދަފް، މަށައް ކަމެއް ކުރެވުނީ ތަ؟ ނޫނީ މަގޭ މޫނުގަ އެއްޗެއް ހުރީތަ؟”
ސަދަފް ޖަވާބު ދިނުމުގެ ބަދަލުގައި، އިރަމްއާ ގާތްވެލަމުން ސީޓު ބެލްޓު އަޅުވާލަދިނެވެ. އަދި ނުހަނު ލޯބިން އިރަމްގެ މޫނަށް ގޯނާކުރަމުންދިޔަ އިސްތަށިކޮޅު ކަންފަތް ދަށަށް ލައްވާލަދިނެވެ. އޭނާ ކާރު ދުއްވާލި ހިނދު ވެގެންދިޔައީ ވާރޭ ބޯކޮށްލި ވަގުތަށެވެ. ދުއްވަމުން ގޮސް ސަދަފް މަޑުކޮށްލީ ގެއާ މާ ދުރުނޫން ހިސާބަކަށެވެ. މަގުގެ އެއްފަރާތުގައި ކާރު ޕާކުކޮށްލިއިރު، ކުރިމަތިން ފެންނަން އޮތީ އަތިރިމައްޗެވެ. ރޭގެ މޫސުމުގެ ހަލަބޮލިކަމުގެ ތެރެއިން ވެސް ހިޔާކޮށްފައިވާ ހަޓު ތަކުގައި ބައިބަޔަށް މީހުން ހޭލަމޭލަވެއެވެ. ގިނައީ ޅަފުރައިގެ ޒުވާނުންނެވެ.
“ވަޓްސް ރޯންގު؟”
އިރަމްގެ ސުވާލުން އިރުކޮޅަކު އިނދެފައި، ކުޑަކޮން ތެދުވެލަމުން ފަހަތު ސީޓުން އޭނާ ނެގީ ހުދުކުލައިގެ ފިނިފެންމަލުން ފުރާލެވިފައިވާ ގުލްދަސްތާއެކެވެ.
“މިރޭ ދާން އުޅުނީމެންނު ކޮންމެވެސް ފިރިހެނަކާ އެކީ ބޭރަށް، ނުދެވުނީތީވެ އެކަމާއި ދެރަވެގެން އޭނާ ދިން ހަދިޔާއެއް ތިއީ ” ސަދަފްބުނެލިއެވެ. އޭނާއަށް ވެފައި އިންގޮތް ނަގައިގަނެވުނު ހިނދު އިރަމްއަށް ހީނުގަނެވުނީ ކިރިޔާއެވެ. ހިނިއައި ވަރުން ބާރަށް ތުންފަތުގައި ދަތްއަޅުވާލީ ހިފަހައްޓާ ނުލެވިދާނެހެން ހީވެގެންނެވެ. އެކަމުގެ ސަބަބުން ދެލޮލުން ފެން އަންނަގޮތް ވިއެވެ.
” ޔޫ ޖެލަސް؟”ފިނިފެންމާތަކުގެ ވަސް ބަލާލަމުން އިރަމް އަހާލިއެވެ. އޭނާގެ ނަޒަރު ހުރީ ސަދަފްއަށެވެ. އެއްޗެއް ނުބުންޏެވެ. ފަހަތައް އެނބުރިފައި ސީޓު ތިރީގައި އޭނާ ކުރީންސުރެން ބައިންދާފައި އިން ކޮތަޅެއް ނެގިއެވެ. އެ ކޮތަޅުން އޭނާ ނެގީ މަތި ޖަހާ ރަނގަޅަށް ބަންދުކޮށްފައިވާ ދެ ތައްޓެވެ. ބޮޑަށް ވައްތަރީ ކޮފީ ތަށިތަކަކާއިއެވެ.
”މިވެސް އޭނަ ދޭ އެއްޗެއް ދޯ؟ ތެންކިއު ބުނައްޗޭ” ސަދަފް އެއިން ތައްޓެއް ދިއްކޮށްލުމުން އިރަމް ބުނެލީ ސަމާސާ އެކުލެވޭ ރާގެއްގައެވެ. ތަށީގެ މަތި ކަނޑާލަމުން އިރަމް ހީގަތެވެ. އެހެނަސް ސަދަފް ބަލައިލީ ޒާތަކަށެވެ. ހީވީ އެހެން ފިރިހެނަކާއި ގުޅޭ ވާހަކައެއް އިރަމްގެ އަނގައިން ބޭރުނުކުރަން ބަހަކާއި ނުލާއި ވެސް އިންޒާރު ކޮށްލިހެންނެވެ. އިރަމްގެ ހިނިގަނޑު ވަގުތުން ހުއްޓުނެވެ. އެބެލުމުން ރަކިވިވަރުން ޒާތަކަށް ކަރުކެހިލަމުން ކޮފީތަށިން ކޯވަރެއް ބޯލިއެވެ. އެހިސާބަށް އާދެވުނު އިރު ހިހޫވެފައި ހުރި ނަމަވެސް އިރަމްއަށް އެ ކޮފީ ވަރަށް މީރުވިއެވެ.
“ވަރަށް މީރު، ތެންކިއު” އިރަމް މަޑުމަޑުން ބުނެލިއެވެ.
“ކާކަށް؟ އޭނައަށްތަ؟” ސަދަފް ނިތްއަރުވާލިއެވެ.
އިރަމްއަށް އެއްޗެއް ބުނަން ނުކެރުމުން އަނެއްކާ ވެސް ކޮފީ ފޮދެއް އަރުން އެތެރެކޮށްލިއެވެ. އެހެނަސް ސަދަފް ނުރުހިފައި އިން ސަބަބު އެނގުމުން އެތެރެއިން އޭނާ ދިޔައީ ހެމުންނެވެ. ނޭނގޭ ފޮނިމީރުކަމެއް އިޙްސާސްވަމުންދިޔައެވެ. އިރުކޮޅަކާއި ހެން ސިއްރުން ސިއްރުން ސަދަފްގެ މޫނަށް ބަލައިލައެވެ. އެމަންޒަރު ފެނި ސަދަފްގެ ހިތްހަމަ ނުޖެހުން ފިލައިގެން ދިޔައިރު ތުންފަތުގައި ދުވެލީ ފިރިހެންވަންތަ ހިނިތުންވުމެކެވެ. އިރުކޮޅަކު އެ މޫނަށް ބަލަން އިނދެފައި އެހިމަ އުނަގަނޑުގައި ހިފާ ގަޔާ ގާތްކޮށްލިއެވެ. ސިހުނުވަރުން އިރަމްއަށް ތެޅިގަނެވުނެވެ. ނޭވާ އިޙްސާސްވާހާ ގާތައް ސަދަފް މޫނު ގާތްކޮށްލުމުން، ލަދުގަތްވަރުން އެސްފިޔަތައް ތިރިކޮށްލަން އިރަމްއަށް މަޖުބޫރުވިއެވެ. ކަޅިޖަހާނުލާ އެމޫނަށް ސަދަފް ބަލަމުން ދިޔައެވެ. ދޮންމޫނަށް ފެތުރިފައިވާ ޖަންބުކުލައެވެ.
އިރަމްގެ ކޯތާފަތުގައި ސަދަފްގެ ތުންފަތް ބީހިލި ހިނދު ކުރެވުނީ ފޮނި ފޮނި އިޙްސާސްއެކެވެ. ދެލޯ މެރިގެން ދިޔައެވެ. އެ ސިކުންތުކޮޅު އެތައް ގަޑިއިރަކަށް ދެމިގެންދާނެ ނަމައޭ ހިތައް އެރި އަދަދެއް ނޭނގެއެވެ. ސަދަފްގެ އަތުގެ ތެރެއިން މިންޖުވާކަށް ހިތެއް ނޭދުނެވެ. ދެލޯ ހުޅުވާލި ހިނދު ސަދަފް ހީލިއެވެ.
“ހާދަ ރީއްޗޭ” އިރަމްގެ ކޯތާފަތުގައި ނުހަނު ލޯބިން ޝަހާދަތް އިނގިލިން ސަދަފް ފިރުމާލިއެވެ. ލަދުން އިސްޖެހިފައި އިނދެވުނެވެ. ދެމީހުންނަށް ދުރުވެލަން މަޖުބޫރުވީ އިރަމްގެ ފޯނު މެދުކެނޑުމެއްނެތި ރިންގުވާންފެށުމުންނެވެ. ބަލައިލިއިރު ގުޅަނީ ނަދީމްއެވެ. އިރަމް ފޯނު ދައްކާލުމުން ސަދަފް ހިނިތުންވެލަމުން ދުރަށްޖެހިލިއެވެ.
“ރީއްކޮ ރޯ ވަރުން ހުއްޓުވާ ނުލެވިގެން މިއުޅެނީ، ގެއަށް އާދެވޭނެތަ އިރޫ؟ އެމީ އެއްވެސް ނެތް، ދޮންބެ އާއި މަންމަ ވެސް މުޅިން ވަރުބަލިކޮށްލައިފި.. މީރާންމެން ވެސް އެބަތިބި ދެލޯ ބޮޑުވެފަ..” ނަދީމްގެ އަޑުގައިވާ ހާސްކަން ނަގައިގަންނާކަށް އިރަމްއަކަށް އުނދަގުލެއް ނުވިއެވެ. ފޯނުން ވާހަކަ ދައްކަމުން ދިޔައިރުވެސް ރީއާގެ ރުއިމުގެ އަޑު އިވެމުންދިޔައެވެ.
“އޭންން؟ އިރޫ ބޭރަށް ނުކުތްއިރު ނިދާފަ ގައިމު، ކިހިނެތް ބާ ވީ؟”
“ނޭނގޭ ވީ އެއްވެސް ގޮތެއް… އޭރު ނިދާފަ ނުވޭ ފަސްމިނެޓުވެސް، ހޭލައިގެން އިންގޮތަކަށް އެއިނީ.. ބައްޕައަށް ހީވަނީ އެމީ ބޭނުންވީހެން.. އިއްޔެވެސް މިއަދު ވެސް ނުފެނިގެން ވަރަށް ރުއި .. މަންމަ ދެން ވާހަކައެއް ހަދާލާފަ ހުއްޓުވާލަނީ.. މިހާރު މިއުޅެނީ އެއްވެސް ވަރަކަށް ހުއްޓުވާ ނުލެވިގެން ” ނަދީމް އިތުރަށް ކިޔައިދިނެވެ. އިރަމް ދަނީ ކަމުގައި ބުނެފައި ފޯނު ކުރުކޮށްލިއެވެ.
“ވަޓްސް ރޯންގް؟” އިރަމް ކަންބޮޑުވެފައި އިނދެ ނަދީމް ދެއްކި ވާހަކަ ކިޔައިދިނެވެ. ސަދަފް ވެސް އިތުރަށް މަޑުކުރަން ނޫޅެ އިރަމް ގެއަށް ލައިދިނުމަށް އަވަސްވެގަތެވެ.
****
“އެމީ ޔޫ ޝުއަރ އޯކޭ؟” ޒަންޔާ ވާހަކަ ދެއްކިއެވެ. އަމީރާގެ ރުއިން ހުއްޓިފައިވީ ނަމަވެސް ދޭތެރެއަކުން ދެލޯ ކަރުނައިން ބަރާވެލައެވެ. އެއިން ކޮންމެ ވަގުތެއްގައި އަމީރާ ހިންދިރުވާލަމުން ކަރުނަތައް ހުއްޓުވާލައެވެ. މީގެ އިރުކޮޅެއް ކުރިއާއި ހަމައަށް ނުހަނު ބޮޑަށް ރޮއެފައި ވުމުން އެދެލޮލުން ރަތްކަން ނުފިލާ ހުއްޓެވެ.
“އެމީ ޓެލް މީ، ވަޓް ހެޕެންޑް؟ މަންހާ ފެނުނީތަ؟ ނޫނީ ޝާއިރާ އެއްޗެއް ބުނީތަ؟” އަމީރާގެއަތުގައި ހިފާލަމުން ޒަންޔާ އަނެއްކާ ވެސް އެހިއެވެ.
“ނޫން، އައި ޑޯންޓް ތިންކް އައި ކެން ޝެއަރ ދިސް.. ޒަން، އިޓްސް އަލޮޓް” އެނދުމަތިން ތެދުވެ އަމީރާ ނުކުތީ ކޮޓަރިއާއި އިންވެގެން ހުރި ބެލްކޮންޏަށެވެ. ވާރޭގެ އަޑުން އޭނާގެ ބަލިކަށިވެފައިވާ ނަފްސަށް ދިރުމެއް ހޯދަން މަސައްކަތްކުރަމުން ފުންނޭވާއެއްލިއެވެ. އެހެނަސް ބޭއިޙްތިޔާރު ރޮވިއްޖެއެވެ. ޒަންޔާއަށް ފުރަގަސްދީގެން ހުރިނަމަވެސް އޭނާ ކުރިމަތީގައި ހުއްޓުމުން ކަރުނަތައް ސިއްރެއް ނުވިއެވެ.
“މިތާކު ނެތް ވިޝާމްއެއް.. އަހަރެމެން ދެމީހުން އެކަނި މިތިބީ.. އެމީއަށް އެނގެއެއްނު އަހަންނާ ޝެއަރ ނުކުރެވޭނެ އެއްވެސް ވާހަކައެއް ނުހުންނާނެކަން….އަޅެ ޕްލީޒް، ކެން ޔޫ ޝެއަރ؟ އަހަރެން އަޑުއަހާނަމޭ.. އެހީވާނަމޭ.. ޕްލީޒް، އެމީ؟” އަމީރާގެ ކޮނޑުގައި ފިރުމާލަމުން ޒަންޔާ ވާހަކަ ދެއްކިއެވެ. އެއަޑުގައި ވަނީ އިންތިޙާ ހަމްދަރުދީއެވެ. ދެރަވެފައި ހުންނަ ވަގުތު މީހެއްގެ ހަމްދަރުދީ ލިބުމުން އިތުރަށް ޖަޒުބާތީވެ ރޮވޭގޮތްވިއެވެ. އިރުކޮޅެއްވީފަހުން ހަމަޖެހިލަމުން އަމީރާ ދެލޯ ފުހެލިއެވެ.
“ނޭނގެ ވާގޮތެއް.. އަބަދު ބޮލުގަ ރިއްސަނީ .. ބައެއްފަހަރު ހިތައް އަރާ އަހަންނަށް ސްޕެއިންގަ ހުރެވުނު ނަމައޭ.. އެހެންނަމަ މިކަންތައްތައް ތަހައްމަލު ކުރާކަށް ނުޖެހޭނެ.. ޒަންއަށް ކިޔައިދިނީމެންނު އިޔާންއާއި ދެމީހުންނަށް ވެގެން މިއުޅޭ ގޮތް..މިއަދު ވެސް” އަމީރާގެ ނަޒަރު ވާރޭގެ ތެރެއަށް ހުއްޓާލިއެވެ. މިއަދު އިޔާން އާއި ޔަނާލް އެކުގައި ދިޔަގޮތް ޒަންޔާއަށް އަމީރާ ކިޔައިދިނެވެ. ގެއަށް ނުދާންވެގެން މިގެއަށް އައިގޮތް ވެސްމެއެވެ. ޒަންޔާގެ މޫނުމަތިން ވެސް ދެރަވެފައި ހުރިކަން ހެކިދެއެވެ.
“އިނގެއޭ ތިކަންތައް.. އެމީ މިގެއަށް އައުމުގެ ކުރިން ވިޝާމްއަށް އިޔާންބެ ގުޅި.. މިގެއަށް އަންނަ ހަބަރު ލިބިގެން ބުނި އެމީއަށް ބަލާލަދޭން.. ރީއްކޮ ގޮވައިގެން އުޅޭތީވެ ވާހަކައެއް ނުދައްކާ ހަމައެކަނި ޔަނާލް ގޮވައިގެން ގެޔަށް ދިޔަ މަންޒަރު އެމީއަށް ފެނުނު ހެން ހީވާ ވާހަކަ ބުނީ” ޒަންޔާ ބުންޏެވެ.
“ހައު ކުޑަ ހީ؟ އެހެން ހަދާފަ ވެސް އަދި ގުޅާފަ ބުނީ އެ؟ ޝޭމް އޮން ހިމް.. ” އަމީރާއަށް ނޭފަތް ދަމާލެވުނެވެ.
“އެމީ، ހިއެއްނުވޭ ކަމެއް ނުވެ އޭނަ ގޮވައިގެން އިޔާންބެ ގޮސްފާނެހެންނެއް.. އަހަރެން ފުރަތަމަ ވެސް ބުނީމެންނު ރިލޭޝާންޝިޕް ނުނިންމާ ޓޯކް ކުރަން-”
“ޒަންއަށް ކިޔާ ދިނީމެންނު ވެގެން ދިޔަ ގޮތް.. ހިއެއްނުވޭ އިތުރު އޮޕްޝަނެއް އިންހެނެއް.. އަހަރެން ރިލޭޝަން ނިންމާލިއަސް އޭނައަށް އެނގެންވާނެ ލޯބިވާ ވަރު.. އެކަމަކު އޭނާ ކޮންމެ ފަހަރަކު މަސައްކަތް ކުރަނީ އަހަރެންގެ ކުރިމަތީގައި އެ ހިތްދަތި މަންޒަރުތައް ތަކުރާރުކުރަން. ހާދަ ދެރަވެއޭ! އެހާ ބޮޑަށް ލޯބިވާއިރުވެސް، އަބަދު މިފަދަ ވޭނެއް ތަހައްމަލުކުރަން މިޖެހެނީ ކީއްވެ؟ މިފަދަ ހިތްދަތިކަމެއް ހައްގުވާވަރުގެ ކޮން ކުށެއްތަ އަހަންނަށް ކުރެވުނީ؟ ޔަނާލް އެގޭގެ ބަހައްޓަން އެއްބަސްވާ ހިސާބުން ވެސް އިޔާންއަށް އެނގެން ވާނެ އެހެން ހެދީމަ އަހަރެން ދެރަވާނެ ވަރު.. ކޮންމެ ދުވަހަކު އެތައް މަންޒަރެއް ލޯ މައްޗަށް ދައްކުވާ! ދެރަވާ ކޮންމެ ފަހަރަކު އަހަރެން ބޭނުމޭ އިޔާ ކައިރިގަ ހުރެގެން ރޯލަން.. އަހަރެން ކުރިމަތިލަމުންދާ ހުރިހާ ކަމެއް އިޔާއަށް އެނގޭނެ.. އެކަންކަމާއި އަހަރެން ސްޓްރަގުލް ކޮށްކޮށް ވީކް ވެފަ ހުންނަ ވަރު ވެސް އިޔާއަށް އެނގޭނެ.. ކިތައް ދުވަހު އެކަންކަމާއި ދެރަވެގެން ރޮވުނީ، އޭނާގެ އަޅާލުން އެންމެ ބޭނުންވި ދުވަހު އެހެން ކަންތައް ކުރީ.. މާކްގެ ހަބަރު އަހަންނަށް ލިބުނު ރޭ އެއީ އިޔާ ކައިރީގަ ހުންނަން އެންމެ ބޭނުންވި ވަގުތު.. އެކަމަކު ޔަނާލް ގެއަށް ގެނައި ދުވަ-” އެހިސާބަށް ވާހަކަ ގެންދެވުނު ހިނދު އަމީރާގެ އަޑު ބެދޭގޮތްވިއެވެ. މޭގައި އަތް އަޅުވާލައިގެން ހުރެ ދެލޮލުން އައިސް އައިސް ހުރި ކަރުނަތައް ފުހެމުން ދިޔައިރު ހިތައް ކޮށްފައިވާ އަސަރު ދެލޮލުން ހެކިދެއެވެ.
“ބައެއްފަހަރު ވިސަނަމުން ގޮސް ހީވަނީ މޭ ފިތޭހެން.. ނޭވާ ތާށިވާހެން.. ކައިރީގަ އިޔާ ހުންނަން ހާދަ ބޭނުން ވެއޭ..”
އަމީރާ ހަމަޖެހެންދެން ކޮނޑުގައި ފިރުމާލަ ދީދީ ޒަންޔާ ހުއްޓެވެ. ހިތްވަރުދިނުމުގެ ބަސްތައް ބުނަމުން ދިޔަކަމުގައި ވީނަމަވެސް އެއިންބަހަކުން އަމީރާގެ ހިތާމައަށް ލުޔެއްނުލިބުނެވެ. ވިޝާމްގެ ފަރާތުން އިޔާން އުޅޭގޮތް ވެސް އޭނާއަށް އެނގެއެވެ. އަނެއްކޮޅުން އަމީރާ އުޅެމުންދިޔަ ހާލު މިހިރީ ކުރިމަތިން ފެންނާށެވެ. އެއަންހެންކުއްޖާއާއި މެދު ހިތުގައި ކުލުނު އުފެދިފައިވަނި އިންތިހާއަށެވެ. އެ ކަރުނަތަކުން ޒަންޔާގެ ހިތައް ވަރަށް އުނދަގޫވިއެވެ. މާޔޫސްކަމާއި ހިތާމައިގެ ފަރުދާއެއް އެމޫނުގައި ވީއިރު އެއްވެސް ދިރުމެއް ނުވާ ބުދެއް ފަދައެވެ. އިޔާންއާއި އަމީރާގެ މައްސައިލައިގެ އިތުރުން ވެސް އަމީރާގެ ހާލަތާއި ގުޅޭގޮތުން ވެސް ޒަންޔާއަށް އެނގެއެވެ.
“އެމީ ޓެލް މީ މޯރ.. ވަޓްސް ގޮއިން އޯން؟” އެނގިހުރެ ސުވާލުކުރި ނަމަވެސް ޒަންޔާ އެހީ، އަމީރާ ޖަވާބު ދޭނެކަމަކަށް ނޫނެވެ.
“ޒަން ގޯސް އެއްޗެއް ހިތައް ނާރުވައްޗޭ.. އަހަންނަކަށް ނޭނގޭ މިގޭ މީހުން ފެނުނީމަ ވާގޮތެއް.. ކޮންމެ މީހެއްގެ ސޫރަ ހީވަނީ އެތައް އަހަރެން ކުރީންސުރެ އަހަރެންގެ ސިކުނޑީގައި ހަރުލާފައިވާހެން.. އެނގެއެންނު އަހަރެންގެ ހަނދާނުން ބައެއް ގޮސްފަވާކަން.. ހިތާއި ސިކުނޑި އިއްތިފާޤުން ހީވަނީކަމެއް ކަމެއް ބުނެދޭން މަސައްކަތް ކުރާހެން..އާމިލާދައްތަ އާއި ހައިކަލްބޭބެ ފެނުމުން ކުރުވަނީ ތަފާތު އަސަރެއް.. އަހަންނަކަށް ނޭނގޭ މިއިހްސާސްތަކަށް ދޭނެ ނަމެއް.. ޒަން، އަހަރެން ބޯ ގޮވައިފި” އަމީރާ ދެލޯ މަރައިގެން ހުރެ އޭނައަށް ވަމުން ދާ އުނދަގޫތައް ޒަންޔާއަށް ކިޔައިދިނެވެ. ސިކުނޑި ހާސްވެފައިވާ ވަރުން މީހަކާއި ހިއްސާކުރަން ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެގޭގެ ކޮންމެ މީހަކު ފެނުމުން ވާ ގޮތް ވަކި ވަކިން ކިޔައިދިނެވެ. ފުރަތަމަދުވަހު އެގެއަށް އައި ހިނދު ހޮސްޕިޓަލަށް ދާންޖެހުނު ގޮތެވެ. ހާއްސަކޮން ޝާއިރާއާއި މަންހާ ފެނުމުން އަމީރާއަށް ކުރުވި ތަފާތު އިޙުސާސެވެ. އަދި އެދެމީހުންގެ ފުށުން އޭނާއަށް ކުރިމަތި ލާން ޖެހުނު ކަންތައް ވެސް މެއެވެ. އަދި މިރޭ ހައިކަލްއާއި އާމިލާ، އޭނާގެ އަތުގައި ހިފައިގެން މަގު ހުރަސް ކުރި ގޮތާއިއެގެޔަށް ވަދެވުނު ހިނދު ކުރުވި އިޙްސާސް ކިޔައިދިނީ ރޮވިފައި ހުރެއެވެ.
“ޒަންގެ ވެޑިންގްއަށް ރިސޯޓަށް ދިޔަ ދުވަހު ރީއްކޮ ގެނބުނު ހަނދާންވޭތަ؟.. އެދުވަހު ވެސް ހީވީ ގާތުން ކުޑަ އަންހެން ކުއްޖަކާއި ބޮޑު އަންހެނެއްގެ އަޑުއިވުނުހެން.. ހުއްޓުން އަރާފަ ހުރެވުނީ.. ދެން ކުއްލިއަކަށް ހީވީ ކަންފަތް ދޮށުގައި ހީގަތްހެން..ތާއަބަދު ސިކުނޑީގަ ވެސް ހީވަނީ އެދެމައިންގެ ހުނުމުގެ އަޑު ހަރުލާފަ ހުންނަހެން.. މިރޭ މިގެއަށް ވަތް ހިނދުވެސް މި ރޫމަށް ވަދެވެންދެން ކުރުވީ އެއިޙްސާސް.. ނުވެސް ދަންނަ ބައެއްގެ ތެރޭގަ މިފަދަ ގާތްކަމެއް އިޙްސާސްކުރަން ޖެހެނީ ކީއްވެތަ؟ އިޔާންއަށް ހުރިހާ ކަމެއް އެނގޭނެ، އެކަމަކު މިހުރިޙާ ކަމަކާއި އަހަރެން އެކަނި ހާލަށް ދޫކޮށްލީ ހަމަ އިޔާން.. ވިސްނަމުން ގޮސް ބޯ ހާސްވެ ސިކުނޑި ސުމަކަށް ގޮސްފި.. ޒަން އަހަރެން ކިހިނެތް ހަދާނީ؟” އަމީރާ ވާހަކަ ދެއްކުނީ ކުރެހިފައިވާ އަޑަކުންނެވެ.
ޒަންޔާއަށް ހިންދިރުވާލެވުނެވެ. އަމީރާ އެގެޔަށް ފުރަތަމަ އައި ދުވަހު ވެގެންދިޔަ ގޮތުން ހޮސްޕިޓަލަށް ގެންދެވުނު ހިނދު، އިޔާންއާއި އަމީރާއާއި ދެމެދުގައި ދެކެވުނު ވާހަކަ ވިޝާމްއަށް އިވިފައިވާތީ އެއީ އޭނާއަށް ވެސް އެނގިފައިވާ ކަންކަމެވެ. ނަމަވެސް އެނޫން ދެން އަމީރާ އެކިޔާ ދިން ހުރިހާ ވާހަކަތަކަކުން ޒަންޔާއަށް ހުރެވުނީ ބަސް ހުއްޓިފައެވެ. އަމީރާއާއި އެއާއިލާގެ އޮތް ގުޅުން އޭނައަށް އެނގެއެވެ. ނަމަވެސް އެހަޤީގަތް އަމީރާއަކަށް ނޭނގޭނެއެވެ. އެކަމަކު އެއާއިލާ ފެނުމުން ގާތްކަން އިޙްސާސް ވާގޮތް އަމީރާ އެކިޔާދިނީ ހާދަ ތަފްސީލާއި އެކުގައެވެ. ހަނދާނުގައި މާޒީގެ އެއްވެސް ކަމެއް ނެތްނަމަވެސް، އެނގިހުރެ އިތުރަށް އަމީރާ އަނދިރީގައި ބެހެއްޓުން އިންސާފަކަށް ވެދާނެބާއެވެ؟ ޒަންޔާއަށް އުނދަގޫވަމުން ދިޔައެވެ.
“އައި ހޭވް ޓު ޑޫ ސަމްތިންގް!” ޒަންޔާ ވިސްނާލިއެވެ. މިފަދަ އާއިލާއަކުން ، މި ފަސްގަނޑާއި އެތައް މޭލު ދުރެއްގައި އޮތް ބީރައްޓެހި ގައުމަކަށް އަމީރާ ދާން ޖެހުނު ގޮތެއް ނޭނގުނު ނަމަވެސް ޒަންޔާ ހިތާއި ހިތުން އަޒުމް ކަނޑައެޅީ އަމީރާއަށް އޭނާގެ އަސްލު އަންގާދިނުމަށެވެ. ނޫންނަމަ އެ ނިކަމެތި އަންހެންކުއްޖާގެ ހާލަތު އިތުރަށް ގޮސްވެދާނެއެވެ. އަމީރާއަށް ދެވޭ އެންމެ ނަޒަރަކުން މިހާރުވެސް ޒަންޔާއަށް ކެތްތެރިވެލައިގެން ހުރެވެނީ ނުހަނު އުނދަގުލުންނެވެ. އިރުގަނޑެއް ވަންދެން ވިސްނިފަހުން ޒަންޔާގެ ސިކުނޑިއަށް ހިޔާލެއް އައެވެ. ހިތްހަމަޖެހުނު ވަރުން މޫނުމަތި އަލިވެގެން ދިޔައެވެ. ވަގުތުން ކަންކުރާނެގޮތް އޭނާގެ ސިކުނޑީގައި ރާވާލިއެވެ.
“އާދެބާ އިސްތަށިގަނޑު އައްސާލަން، ވާރޭގަ ޖެހުނީމަ މިއޮތީ ހޭވިފަ” ފުނާ ހިފައިގެން އައިސް، އަމީރާގެ އަތައް ޒަންޔާ ދަމާލަމުން ރީތިވާ މޭޒުކައިރީ ހުރި ގޮނޑީގައި ބެއިންދިއެވެ. ޒަންޔާ ހަނދާނެ ގޮތެއް ހަދަން ދީގެން އަމީރާ ބަހަކުން ބަހެއް ނުބުނެ އިނެވެ. އެހެން އިންއިރުވެސް ކަމަކާއި ވިސްނަމުންދާކަށް ހިމޭންވެފައިވާ މިޒާޖުން ހެކިދެއެވެ.
“އެމީ.. އިންޝާﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. ތެރެޕީ ތަކުން އެއްވެސް ކަހަލަ ފައިދާއެއް ކުރޭތަ؟ މިހާރު ޕެނިކް އެޓޭކް ޖެހުމުން ދުރުދޯ؟” ޒަންޔާ އަހާލިއެވެ. އަމީރާ ބޯޖަހައިލިއެވެ. ޒަންޔާ ވޫލް ކޮޅަކުން އަމީރާގެ ބޯ އައްސާލަދެމުން ފުނާ ބޭއްވީ ދުރުގައެވެ. އެއަށް ނަޒަރެއް ދިން އިރު ޒަންޔާގެ މޫނު ވަކިން އަލިވިއެވެ. އޭނާގެ މަސައްކަތުގެ ބާކީބައި ކުރެވޭނީ މާދަމާ ކަމަށް ވުމުން ހިތްހަމަ ޖައްސާލަމުން، އަނެއްކާ ވެސް ބެލީ އަމީރާއަށް ވިސްނައިދެވެތޯއެވެ.
****
ވިޝާމް ކާން އިނުމުން ޒަންޔާއާއި އަމީރާގެ ހިލަމެއް ވޭތޯ ހައިކަލްއައީ އާމިލާގެ އެދުމުގެ މަތިންނެވެ. ދޮރު ހިއްމިއަކަށް ހުޅުވިފައި ހުރިނަމަވެސް ދޮރު ހުޅުވާކަށް ގަސްތެއް ނުކުރިއެވެ. އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމަށް ހައިކަލް ހިއްލާލި އަތް ތިރިކޮށްލެވުނީ އަމީރާގެ ޖުމްލަތަކުންނެވެ. އޭނާގެ ހަރަކާތްތައް ވަގުތުން ގަނޑުކޮށްލިއެވެ. އެދެމެދުގައި ދެކެވުނު ވާހަކަތައް އިވުނު އިރު ހައިކަލްގެ ހިތައް ކުރުވީ ނުބައި އަސަރެކެވެ. ފުރަތަމަ ވެސް ހަނދާންވީ މަންހާ، އަމީރާއާއި ދިމާކޮށްލި ދުވަހުގެ ހަނދާނެވެ. އެދުވަހު މަންހާގެ ވާހަކަތައް ހުރިގޮތެވެ. އަދި އަމީރާ ކަންފަތްދޮށުން ފެނުނު އުފަންލަފުމަތިން ވަކިން ހަނދާންވިއެވެ. އަމީރާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ހައިކަލްއަށް ވެސް ވަމުން ދިޔައީ އެފަދަ ގޮތްތަކެކެވެ. އަމީރާ އެބުނިހެން މިރޭ އޭނާ، އަމީރާގެ އަތުގައި ހިފި ހިނދު ދޫކޮށްލާ ހިތެއް ނުވިއެވެ. މިހުރިހާ ދުވަހަކު އެ މައުސޫމް މޫނުމަތިން އޭނާއަށް ވެސް ހީވި ފަސް އެޅި ވަޅުޖެހިފައިވާ އެތައް ހަނދާނެއް އިޙްސާސްކޮށްދޭން އުޅުނުހެންނެވެ.
“އެމީ؟ އެމީ ވެދާނެތަ އަހަރެންގެ ދަރިފުޅަށް؟”ހައިކަލްގެ ދެތުންފަތް ދޭތެރެއިން ބޭރުވިއެވެ. އޭނާގެ މުޅި ހަށިގަނޑުގައި ހުރީ ތުރުތުރެއް ހިފާލާފައެވެ.
****
(ނުނިމޭ)
My goshhhh 😭😭😭 so emotional and URGEHSHSG i cantttt CANT WAIT FOR THE NEXT after soo longg aaahh my babies 😭😭