“މިހުރިހާ ދުވަހު ރުއާ ގޮސް ތިހުރީ ބައްޕަގެ އެންމެ ބޮޑު ދުޝްމަނުންގެ ގާތު.. ކިހިނެތް އެތާގަ ބަހައްޓާނީ… އިޒާން އަކީ އަހަރެންގެ އެންމެ ބޮޑު ދުޝްމަނު.. އެހެން ވީ އިރު އޭނާގެ ދަރިން ވެސް އެއީ އަހަންނަށް ދުޝަމަނުން..” ނިއަލް މިފަހަރު ދެއްކި ޥާހަކައިން ރުއާނާއަށް ތެޅިގަނެވުނެވެ. ހަނދާންވީ ލިއަމް ކިއައިދީފައިވީ ވާހަކަތަކެވެ. ލިއަމްގެ މަންމަ ޒީވާގެ މާޒި ތަފްސީލަށް ނުދިޔަ ނަމަވެސް އޭނާގެ ސުވާލާއި އެކު ލިއަމް ލުއި ޖަވާބެއް ދިނެވެ.
‘މަންމައާއި ބައްޕަ ގުޅިގެން އުޅެނިކޮން މަންމަގެ މުޅި ދިރިއުޅުން ނިއަލް ކިޔާ މީހަކު ހަލާކު ކޮށްލި.. ހީ ރޭޕްޑް ހަރ..އެކަމަކު އިންދި އިންޑް ނިއަލް މަރުވި’
ލިއަމްގެ އެ ޖުމްލަތައް ސިކުނޑީގައި ގުގުމާލި ހިނދު މުޅި ކުއްޖާ ހުއްޓުން އަރައިގެން ދިޔައެވެ.
****
ރުއާނާއަށް ދެފަރާތައް ބޯހޫރުވާލެވުނުއިރު، ލަސްތަކެއް ނުވެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ލިއަމްގެ ނަން މަޑުމަޑުން ކިޔާލެވުނު އިރު ދެތުންފަތުގައިވީ ތުރުތުރުވެސް ސާފްކޮން ފެނެއެވެ.
“ލިއަމްގެ މަންމައަށް އެހެން ހެދި ނިޔަލް މަރުވިއޭ ލިއަމް ބުނީ.. އެހެން ނިޔަލްއަކަށް ވެސް ވެދާނެ ދޯ.. ނޫން.. ނޫން.. ނިއަލް އެބުނީ އެންނު އޭނާގެ އެންމެ ބޮޑު ދުޝްމަނަކީ ލިއަމްގެ ބައްޕަ އޭ.. ވީއިރު ދަރިން ވެސް ވާނީ ދުޝްމަނުންނަށޭ.. އެހެންވީމަ މިއީ ނިއަލް.. ލިއަމްއަށް މި ހަގީގަތް އިނގުނީމަ ދުވަހަކުވެސް ވާހަކަ ނުދައްކާނެ..ރުޅިވެސް.. އަންނާނެ” ހިތައް އަރަމުން ދިޔަ ކޮންމެ ޖުމްލައަކުން ރުއާނާ ގެ މެޔަށް ބާރުވަމުން ދިޔައެވެ. ދެލޮލަށް ބޮނޑިވި ކަރުނަތައް ވީ އިތުރެވެ. ހިތައް އަނިޔާ ވަމުން ދިޔައީ ނިޔަލްގެ ހަގީގަތް ލިއަމްއާއި އެއާއިލާއަށް އެނގުމުން ވެގެންދާނެ ގޮތަކާއިމެދުގ ވިސްނޭ ވަރުންނެވެ. އެމީހުންގެ ރުޅި އޭނާގެ މައްޗައް ހައްގެވެ. ނިއަލްގެ އެ ސިއްރު އެނގުމުގެ ކުރިން މަރުވި ނަމައޭ ހިތައް އެރި އަދަދެއް ވެސް ނޭނގެއެވެ. އެހާ ނުބައި މީހެއްގެ ދަރިއަކަށްވުމުން އަމިއްލަ ނަފްސާއި މެދު ޝަކުވާ އުފެދެމުން ދިޔައެވެ. އެތެރެއިން ހިތް ފިސްވަމުން ދިޔައިރުވެސް ކެތްތެރިވެގެން ހުރެވޭތޯބެލިއެވެ.
”ކާމް ޑައުން ރުއާނާ، ކާމް ޑައުން.. މަންމައަށް އެހާ އިހާނެތިވި މީހަކު އެހެން މީހަކަށް އެވަރު ކޮށްފާނެ.. އެކަމަކު އިތުރު ކަމެއް އެނގޭތޯ މަޑުކޮށްލަން ވީ.. އެޓްލީސްޓް މިސްވާ ފެނިގެން އޭނަ ދައްކާ ވާހަކައެއް އަޑުއަހަން ވެސް އެބަޖެހޭ” ނުހަނު އުނދަގުލުން އަމިއްލަ ހިތައް ވިސްނައިދެމުން ، ކަރުނަތައް އޮއްބާލުމުގެ މަސައްކަތް ކުރަން ފެށިއެވެ. ރުއާނާ ހިނދިރުވާލަމުން އެނބުރި ނިއަލްގެ މޫނަށް ބަލައިލިއެވެ. އެވަގުތުވެސް އެ މޫނު ފެނުމުން ހިތައް ވަނީ އަޖައިބެއް ފަދަ ޖެހިލުން ވުން ވުކެވެ. އެހާ ރުޅިވެސް ގަދަ ވިއެވެ.
“މިތަނުން ފިލައިގެން ނުނިކުންނާނެ ކަމުގެ ޔަގީންކަން އަހަރެން ދެން.. ގޭގެ ގޯތިތެރެއަށް ނުކުމެލުމުގެ ހުއްދަ އެބައޮތް ތަ؟” ނިޔަލްއާއި ވާހަކަ ދައްކަން ޖެހުމުން ރުއާނާ ހުރީ ޒާތަކަށް ދަތްކުނޑިވިފައެވެ. އެކަން މަނާ ނުކޮށް ނިއަލް ފަނޑު ހިނިތުން ވުމެއް ވެރިކޮށްލިއެވެ. ނުރުހުންތެރިކަމެއް ދައްކާނުލުމުން ރުއާނާ ހައިރާންވިއެވެ.
“ކޮންމެ ވެސް މަކަރަކުން ދާން އެއުޅ-.. އާހްހް.. އައުޗް”
ބިލާލްގެ އަނގައިން ނުކުތް ޖުމްލަ މެދު ކަނޑާލީ ނިއަލް ހަލުވި މިނެއްގައި އައިސް އޭނާގެ ކަންކަމަތީގައި ބާރަކަށް ޖަހާލުމުންނެވެ. ރުއާނާގެ އިތުރުން މަގަތުގައި ހުރި ދަރަކްއަށް ވެސް ލިބުނީ ހައިރާންކަމެކެވެ.
“ދެވަނަ ފަހަރަށް އޭނައާއި ތިފާޑަށް ނުބެހެއްޗޭ.. މަށައް އިނގިއްޖެ މިއަދު، ބިލާލް އޭނައަށް އަނިޔާ ކުރިކަން.. އެކޮޓަރީގެ ދޮރުމަތީގަ އެތިބަ ފާރަވެރިން އެއްވެސް ކަމެއް މަށަކަށް ސިއްރެއް ނުކުރާނެ..ބިލާލް އިންޒާރު ދިނަސް އެމީހުން އެކައްޗެއް ވެސް ހިތަކަށް ނާރާނެ.. ދެން ގޮސް އެމީހުންނަށް ބިރު ނުދައްކާތި.. އޭރުން ދެން ވާގޮތް ވަރަށް ހިތި ވާނެ! އަޅާ ނުލާ މިހުންނަނީ ބިލާލް ހުއްޓާނެ ކަމަށް ވިސްނާފަ.. އެކަމަކު ރޭގަ ވެސް ޖެހީމެންނު.. ދެން މިއަދު އޭނަ އެ ނުކުތީ އެތައް ދުވަހެއް ފަހުން ކޮޓަރީން.. އެކަމަކު ބިލާލް ހަމަ ފޮށެނީ ތި” ބިލާލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފާ ދަމައިގަނނަމުން ނިއަލް ވާހަކަ ދެއްކީ ރުޅިވެރިކަމާއި އިންޒާރާއިއެކުގައެވެ. ޝަހާދަތް އިނގިލި ދިއްކޮށްލި ހިނދު ފެނުނީ ބިރުން ހުރެ ބިލާލް އިސްޖެހި ތަނެވެ.
އެމީހުންގެ ކައިރިން ސަލާމަތްވެގެން އަމިއްލަ ކޮޓަރިއަށް ވަދެ އެނދުގައި ރަނގަޅަށް އޮށުވެ ނުލެވެނީސް، އެހުރިހާ އިރު ހިފަހައްޓަމުން ދިޔަ ކަރުނަތައް ރުއާނާގެ ދެލޮލުން ފައިބަން ފެށިއެވެ. ބާލީސް އަނގަމަތީގައި ރަނގަޅަށް ހަރުލައްވާލީ ދޮރުން ބޭރަށް ގިސްލުމުގެ އަޑު ފޯރާފާނެކަމުގެ ބިރަށެވެ. މޭގައި އަތް އަޅައިގެން އޮވެ ރޮމުން ދިޔައިރު، ގިސްލުމުގެ ތެރެއިން އަނގައިން މަޑުމަޑުން ފޫދިގެން ނުކުންނަމުން ދިޔައީ ލިއަމްގެ ނަމެވެ. އެހެން އޮވެ ނިދި ޖެހުނު އިރުވެސް ރުއާނާއަށް ދިޔައީ ގިސްލެވެމުންނެވެ.
***
އެނދުގައި އިޒްވާ އޮތީ މަޑުކޮށްލައިގެން އޮތީ އީތަން ގެއަށް ވަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ކައިވެންޏަށް ތިން މަސްވެގެން ދިޔައިރު އިޒްވާ އާއި އީތަން ދިރިއުޅެމުން ދިޔައީ ވަކިންނެވެ. އެ ކައިވެނީގެ ތެރޭގައި ހިނގާދިޔަ ބޮޑު ހާދިސާއަށްފަހު ހުރިހާ މޫނުތަކުން ހިތާމަ ނޫން ކުލައެއް ނުފެނެއެވެ. ރުއާނާ ނެތް ކަމުގެ އިޙްސާސް އިޒްވާ އަދި އީތަން އަށް ވެސް ކުރެވެން ދިޔައެވެ. އެކަމާއި ކިތަންމެ ވަރަކަށް ރޮއެ ހިތާމަ ކުރަމުން ދިޔަ ނަމަވެސް ކާމިޔާބީގެ ކުލަވަރެއް އަދި ނުފެނެއެވެ. ކޮންމެ ދުވަހަކުވެސް އީތަން ވެސް ރުއާނާ ހޯދުމުގައި އުޅޭ މީހުންނާއި ބައިވެރިވުމަށް ދެއެވެ. ނަމަވެސް އެނބުރި އަންނަނީ ނާއުއްމީދާއި އެކުގައެވެ.
މިއަދުވެސް މިއީ އެފަދަ ދުވަހެކެވެ. ލިވިންގް ރޫމު ތެރެއިން އީތަންގެ އަޑު އިވުމުން އިޒްވާ އެނދުން ތެދުވެލަން އުޅުނެވެ. ނަމަވެސް ތެދުވެވުމާއި އެކު ބޮލަށް އެރި އެނބުރުމާއި އެކު އަނެއްކާވެސް އޮތްތާލިއެވެ. އެހެން ދިމާވި ސަބަބު ހީވީ އެނގުނު ހެންނެވެ. މާބޮޑު ނުތަވަސްކަމެއް އެމޫނަކުން ނުފެނެއެވެ.
“އީތަން..”އިޒްވާ ގޮވައިލީ އީތަންއަށް އިވޭހާ ބާރަށެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އީތަން ހުރީ އޭނާގެ ކުރިމަތީގައެވެ. އިޒްވާ އޮތް ގޮތުން އީތަން އައިސް ގާތްވެލިއެވެ.
“ވަޓް ހެޕެންޑް ބޭބް” އިޒްވާގެ މޫނުމަތިން ފެނިގެންދާ ވަރުބަލިކަން ފެނި ހިސާބެއްގެ ނުތަވަސްކަމެއް އީތަންގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އިޒްވާގެ ގާތުގައި އޮށޯވެލަމުން އެމޫނުގައި ޝަހާދަތް އިނގިލިން ފިރުމާލަމުން ނިތް އަރުވާލިއެވެ.
“އައި ޕްރިޕެއަރޑް އަ ގިފްޓް ފޯރ ޔޫ” އީތަން ސުވާލު ކޮށްލުމުން އިޒްވާގެ ބުނެލިއެވެ. އިޒްވާ އިޝާރާތް ކޮށްލީ ސައިޑް ޓޭބަލްގެ ވަތްގަނޑެވެ. ނިތް އަރުވާލައިގެން ހުރެ އީތަން އެނދުން ތެދުވެލިއެވެ. ވަތްގަނޑު ހުޅުވާލި ހިނދު ހުދު ކަރުދާހުން ބަންދުކުރެވިފައިވާ ކުޑަ ފޮއްޓެއް އެތެރޭގައި އޮތެވެ.
“މީ ކޯއްޗެއް؟”
“އާދެބަ ކައިރިޔަށް..” އީތަން އެކަނޑަން މަސައްކަތް ފެށުމުން، އިޒްވާ ގޮވައިލިއެވެ. އީތަން އެނދުމަތީގައި އިށީންދެލުމުން އިޒްވާ ވެސް މަގަތުގައި އިށީންދެލިއެވެ. ކެނޑުމުގައި އަވަދިނެތި އުޅުނުއިރު، އިޒްވާ ޓޭޕް އަޅާފައި އޮތްވަރުން ކަނޑަން އުނދަގޫވެގެން އީތަން އުޅެމުންދިޔައެވެ.
“އުފާވެރި ކަންކަމަށް ސްޓްރަގްލް ކުރަން ޖެހޭނެ..” އީތަން ކަރުދާސްގަނޑު ފޮއްޓާއި ވަކިކޮށްލި މަންޒަރު ފެނި އިޒްވާ ހޭންފެށިއެވެ. އަދި އީތަންގެ އަތުގައި ހިފާލަމުން ތެދުވެލިއެވެ.
“ކޯއްޗެއްތަ ބޭބީ.. ހާދަ ލުޔ-” އިޒްވާގެ ގާތުގައި އަހަމުން އީތަން ފޮށީގެ މަތި ނެގިއެވެ. އެތެރޭގައި އޮތް އެއްޗެއް ފެނި އީތަން ބުނަމުން ދިޔަ ޖުމްލަ މެދު ކެނޑުނެވެ. ހުއްޓުން އަރާފައި އިން އިރު، އެއްފަހަރު އިޒްވާގެ މޫނަށް އަނެއްފަހަރު ފޮށިތެރޭގައި އޮތް ‘ޕްރެގްނަންސީ ޓެސްޓް ކިޓް’ އަށް ކަޅި ހުއްޓެމުން ދިޔައެވެ.
“އަމް ޕްރެގްނަންޓް” އިޒްވާ އުފާވެރި ހިނިތުންވުމެއްގައި އިނދެ އީތަންގެ އަތުގައި ހިފާލިއެވެ. އިރުކޮޅަކު ހިމޭންވެ ހުރެ ދެން ފެނުނީ ގައިގާ ހުރި ބާރެއްލާފައި އީތަން ހަޅޭއްލަވައިގަތް އަޑެވެ. ކުޑަކުއްޖަކުހެން ދުވެލާފައި އައިސް އިޒްވާގެ ގައިގާ ބާރަކަށް ބައްދާލިއެވެ. އީތަންގެ ބާރަށް އިޒްވާއަށް ބިމުގައި ފައި ހަރުލެއްވޭ ގޮތެއް ނުވިއެވެ. ދެޒުވާނުން އެކުގައި އެނދަށް ވެއްޓި ޖެހުނު އިރު ކޮޓަރި ތެރޭގައި ހިފައިލީ އިޒްވާގެ ހުނުމުގެ އަޑެވެ.
“ސީރިއަސްލީ؟ އާހްހް.. ވަރަށް އުފާވެއްޖެ” އިޒްވާގެ ގައިމަތީގައި އިތަން އޮތް އިރު ދެލޯ ފުރިގަތް އައި ކަރުނުތައް އިޒްވާއަށް ފެނުނެވެ. އެހިމަ އިނގިލިތަކުން އީތަންގެ ލޯ ފުހެލަ ދިނެވެ. އޭރުވެސް އީތަންގެ ނަޒަރު ވަނީ އިޒްވަގެ ދެލޮލަށް ހުއްޓިފައެވެ.
“ޔެސް އަމް ޕްރެގް”އީތަންގެ ކޮޅުގައި އިޒްވާ ހިފާލިއެވެ. އެހިނދު އިޒްވާގެ މޫނުގެ އެކި ހިސާބުތަކަށް އީތަންގެ ތުންފަތުގެ ހަދިޔާތައް ލިބެމުން ދިޔައެވެ. އެދެލޮލުން ފައިބަމުން ދިޔަ އުފާވެރިކަމުގެ ކަރުނައިގެ ތެތްކަން އިޒްވާއަށް ދިޔައީ އިޙްސާސްވަމުންނެވެ. އީތަންގެ ބަދަލުވެގެން މިޒާޖުން އިޒްވާގެ ތުންފަތައް ހިނިތުންވުން ގެނެސްދިނެވެ.
“ކަމުދޭތަ ސަޕްރައިޒް؟” އިޒްވާ އަހައިލިއެވެ.
އޭނާގެ މަގަތުގައި އީތަން އޮތްތާލަމުން އެއަތްމަތީ އިޒްވާގެ ބޯ މަޑުމަޑުން ބާއްވާލަދިނެވެ. އަނެއް އަތް އޮތީ އިޒްވާގެ އުނަގަނޑުގައި އެޅުވިފައެވެ. ހިނދުކޮޅަކަށް ވެސް އީތަންގެ ނަޒަރު އެ މޫނުން ނުގެއްލެއެވެ.
“ދައްކާ ވާހަކަ.. ވަރަށް އުފާވެއްޖެ..އެކަމަކު، އަވަސް ތަ؟”
“ނޫން.. ނީޑް މިގެއަށް ދިރުމެއް.. މިއޮތްބޮޑު ގޭގަ އެކަނިން އުޅެންވީމަ ހާދަ ފޫއްސޭ.. އީތަން ތިއުޅެނީ ބޭރުގަ” އިޒްވާގެ އަޑުން އީތަން ހީލިއެވެ. ނުހަނު ލޯބިން އިޒްވާގެ ނިތުގައި ބޮސްދިނެވެ. އަދި އިޒްވާގެ ވާހަކައާއި އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޯޖަހައިލިއެވެ. ހިނދުކޮޅަކަށް ވެސް އީތަންގެ ތުންފަތުން ހިނިތުންވުން ނުގެއްލެއެވެ. ބައްޕައަކަށް ވާން އުޅޭ ކަމުގެ އުފާވެރި ހަބަރު އެހި ސިކުންތުން ފެށިގެން އާދަޔާއި ހިލާފަށް އެ މޫނު އައްޔެވެ.
“މަންމަމެންނަށް އަންގަން ހިނގާ.. އަހަރެންގެ ފުށުން ނުހުންނާނެ މީހެއް، އެކަމަކު އިޒީގެ މަންމައަށް މި ހަބަރުން ވަރަށް ހިތްހަމަ ޖެހުން ލިބޭނެ.. މްމް އަދި އެބައޮތް އަހާލަން ވެފައޮތް ސުވާލެއް”
“ކޮން؟” އީތަންގެ މޫނަށް ބަލައިލަމުން އިޒްވާ ނިތްއަރުވާލިއެވެ.
“އަހަރެމެން ދެމީހުން ވެސް މި ނިސްބަތް ވަނީ އެ ނަސްލަށް، ސޯ އަހަރެމެންގެ ދަރިންވެސް ވާނި އަހަރެމެން ކަހަލަ ބަޔަކަށް.. ބޭބީ ދުނިޔެއަށް އުފަން ވުމާއިއެކު ބާރުތައް ކޮންޓްރޯލުކުރުމަށް މި ޖަހާ އިންޖެކްޝަންތައް ޖެހުމުގެ އެއްވެސް ވިސްނުމެއް އަހަރެންގެ ނެތް.. އިޒީ ދެކެނީ ކިހިނެތް؟” އީތަން ކޮށްލީ އިޒްވާ އުއްމީދު ކުރި ފަދަ ސުވާލެއް ނޫނެވެ. އޭނާއަށް ބަލައިލެވުނެވެ. އޭރު އީތަން ވެސް ކަޅި ޖަހައި ނުލާ ބަލަން އޮތް އިރު އެ މޫނުން މިހާރު ފެނިގެން ދަނީ ސީރިއަސް ކުލަވަރެކެވެ.
“ހާދަ އެހެން ކަހަލަ ސުވާލެއް.. އީތަންއަށް ފެންނަ ރަނގަޅު ގޮތެއް އޯކޭ ވާނެ.. ބޭނުންމެއްނޫން ބޭބީ އަށް އެއްވެސް ގެއްލުމެއް ލިބޭކަށް.. އަހަރެމެން އުޅޭނީ މިތާގަ ދޯ.. ދުވަހަކު ވެސް އެތަނަށް ނުދާނަން..” އިޒްވާ ވާހަކަ ދެއްކިއެވެ. އެއަށް ދޭނެ ޖަވާބެއް ނޭގި އިނދެފައި އީތަންއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ. އެއީ އޭނާއަށް ވައުދުވެވޭނެ ކަމެއް ނޫނެވެ. އެއްބަސް ވެވޭނެ ކަމެއް ވެސް ނޫނެވެ. އޭނާގެ އާއިލާއާއި ބެހޭގޮތުން އިޒްވާއަށް އަދި ނޭނގުނު ނަމަވެސް ،ކޮންމެވެސް ދުވަހަކުން ޔަގީނުން ވެސް އެނގޭނެއެވެ. ރުއާނާ ގެއްލުނު ދުވަހު ވެގެން ދިޔަ ގޮތައް ފަހު އީތަން ގެ އަސްލު އިޒްވާ ގާތު ބުނެފައި ވީނަމަވެސް އޭނާގެ އާއިލާއާއި ބެހޭ އެއްވެސް ކިޔައި ނުދެއެވެ.
“މާދަމާ ދާނީދޯ މަންމަމެން ގެޔަށް” އީތަން އަހައިލިއެވެ. އިޒްވާ ހިނިތުންވެލައިގެން އިނދެ ބޯޖަހައިލަމުން އެކަމާއި އެއްބަސްވެލިއެވެ.
****
ނިއަލްގެ ހަގީގަތް އެނގުމަށްފަހު، ތިން ދުވަސް ވެގެން ދިޔައިރުވެސް އޭނާގެ ކުރި މައްޗަށް ރުއާނާ އެންމެ ފަހަރަކުވެސް ނުދެއެވެ. އޭނާ ވެސް ރުއާނާ ހޯދާކަށް ނާދެއެވެ. ބުނަން ބޭނުންވާ ވާހަކައެއް އޮތަސް އެކަން އަންގާލަދެނީ ދޮރު ކުރިމަތީގައި އޭނާއަށް ފާރަވެރިވެގެން ތިބޭ މީޙުން ކުރެ ކޮންމެ ވެސް މީހަކު ލައްވައެވެ. ތިންދުވަހުގެ ބޮޑުބައި ހޭދަވެގެން ދިޔައީ އެނގިދިޔަ ހަގީގަތާއި މެދު ވިސްނާ ފިކުރުކޮށް ރުއިމުގައެވެ. ލިއަމްގެ މަތިން ހަނދާން ނެތުނު ސިކުންތުކޮޅެއް ނުދެއެވެ.
އަނެއްކޮޅުން މަދަދުވެރިވާން ހުރި މިސްވާ ނުފެންނާތާ ވެސް ދެ ހަފްތާ ވީއެވެ. ބޯ ހާސްވެ ސިކުނޑި ސުމަކަށް ދާވަރުވެފައި އިން އިރުވެސް ހެއްދެވި ފަރާތް ހަނދުމަކޮން ކެތްތެރިކަން އިޙްތިޔާރުކުރިއެވެ. އޭނާގެ ހާލަތު ނިއަލް އަދި ބިލާލްގެ އިތުރުން އެމީހުންގެ އެއްވެސް މީހަކަށް ފަހްމް ވާކަށް ރުއާނާ ބޭނުމެއް ނޫނެވެ. ރުއާނާގެ އިންތިޒާރައް ނިމުން އައީ އެދުވަހުގެ ހެނދުނު ސައި ހިފައިގެން މިސްވާ އައި ހިސާބުންނެވެ.
“މިސްވާ” މިސްވާ ފެނުމާއި އެކު ރުއާނާއަށް އިންތަނުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. ދިޔަ ގޮތައް ގޮސް މިސްވާގެ ގައިގާ ބައްދާލިއެވެ. ނަމަވެސް މިސްވާ ތެޅިގަނެފައި ދުރަށް ޖެހިލިއެވެ.
“ކޮއްކޯ ތިހެން ނޫޅޭ.. އޭރުން އެމީހުންނަށް އެނގިދާނެ” މިސްވާ ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ. ރުއާނާ ދެރަވެދާނެތީ އަތުގައި ހިފާލަމުން ދޮރަށް އިޝާރާތް ކޮށްލީ، އެ ދޮރުގެ ބޭރުގައި ތިބި ފާރަވެރިންގެ މަތިން ހަނދާންކޮށްދނުމުގެ ގޮތުންނެވެ.
“އެހެންވިޔަސް އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ،.. ކީއްވެތަ ނައީ؟”
‘އަހަންނަށް ހީވި ބިލާލަށް ޝައްކެއް ވީހެން.. އޭނަ އެރޭ ފަހުން އައިސް ބުނި ރުއާނާ އެއްވެސް އެއްޗެއް ކީ ހޯ.. އަހަރެން ބުނިން ނުކިޔައޭ.. އަހަރެން ކޮޅަށް ހުންނަތާ ގިނަ އިރުވާން ފެށީމަ ރުއާނާ އެވާހަކަ ބުނެގެން އެނދުގަ އިށީންދެލީމޭ.. އެއީއޭ ވީ ގޮތަކީ.. ބިލާލް ދެން ދިޔައީ އެންމެ ރަނގަޅޭ ބުނެފަ.. އެކަމަކު އޭނާގެ އަމަލުތައް ހުންނަގޮތުން ދެން މަޑު ޖައްސާލީ” ވޭތުވެ ދިޔަ ދުވަސްތަކުގައި ރުއާނާގެ ގާތައް ނާދެވުނު ސަބަބު މިސްވާ އޮޅުން ފިލުވައި ދިނެވެ. ރުއާނާ ވެސް އެކަމާއި ވިސްނާލެވުމުން އެންމެ ރަނގަޅުކަމަށް ބުނެ ބޯޖަހައިލިއެވެ.
“ސޯ ބުނެލަ، ކިހިނެތް އަހަރެންގެ ބައްޕަ ދަންނަނީ؟ މިބުނީ ރާބިއު” ރުއާނާ އަހައިލިއެވެ.
“ރާބިއު ހުރީ ޖަލުގަ.. ހޫރައިން ހުރި ބައިގަ.. އަހަންނަކީ އެބަޔަށް ކާން ގެންދިއުމުގެ ހުއްދަ އޮންނަ ތިންމީހުން ކުރެ އެކަކު.. އަހަންނަށް ކުރީން ސުރެން ރާބިއު އެނގޭ.. އެތަނުން ފެނުނު ދުވަހު ވެސް ލިބުނީ ބޮޑު ސިހުމެއް.. އަވައްޓެރިން ގޮތުގައި ކުރީން އުޅެފައި ފަހުން ދެން ދެމީހުންނަށް ދެމީހުން ވެސް ގެއްލުނީ.. ވަރަށް ގާތްވާނެ އޭރު.. އެތައް އަހަރެއް ފަހުން ދިމާ ވީ ރާބިއު މިކޮޅަށް ގެނައި ދުވަހު” މިސްވާ ހީލައިގެން އިނދެ ކިޔައިދިނެވެ. އެވާހަކަތަކުން ޝައުގުވެރިކަން ހުރި ވަރުން ރުއާނަ އިނީ ކާންވެސް ނުފެށިފައެވެ.
“ރުއާނާ ކާންފަށާ.. ބިލާލް އައިސްފާނެ .. އަންނަ އިރަށް ނުކައި އިނީމަ ކަމަކު ނުދާނެ” މިސްވާ ހަނދާން ކޮށްލަދިނެވެ. ބޯޖަހައިލާފައި ކާންފެށިއެވެ. އަދި އަތުގެ އިޝާރާތުން ވާހަކަ ކުރިއަށް ގެންދިއުމަށް ބުނެ އިޝާރާތްކޮށްލިއެވެ.
“އޭނަ ކިޔައިދޭނެ ވަރަށް ގިނަ ވާހަކަ.. މިތާގަ އުސޫލުތައް ހުންނަ ގޮތުން ކާންދޭން ދާ މީހަ ޖެހޭނެ އެމީހަކު ކައި ނިމެންދެން މަޑުކުރަން.. އެހެންވެ އެދާ ކޮންމެ ފަހަރަކުވެސް ދެމީހުން ވާހަކަ ދައްކާ ހަދާލަން ވަރަށް ގިނަ ފުރުސަތު ލިބޭ..ވަރަށް ގިނަ ވާހަކަ ތައް ކިޔައިދޭނެ.. ހޫރައިންގެ ވާހަކަ ވެސް ރުއާނާގެ ވާހަކަ ވެސް .. ދައްތަ ނޫނަސް މިތާގަ އުޅޭނެ އިތުރު ތިން މީހަކު ރާބިއުއަށް އެހީވާ.. އެކަމަކު ބުނަންތަ ވާހަކައެއް.. ބިލާލްއަށް ޝައްކެއް ވާ ދުވަހަކުން ގޭމްއެއް ވެސް ކުޅެފާނެ… ރާބިއު ފޮނުވައިގެންނޭ ބުނެ އަންނަ އެންމެންނަށް އިތުބާރު ނުކުރާތި..ހަބަރުތައް ހިފައިގެން ދައްތަ އެކަނި ރުއާނާއާއި ސީދަލައް މިހެން ބައްދަލުކުރާނީ..” މިސްވާ ކިޔައިދިނެވެ. ކޮންމެ ޖުމްލައަކަށް ރުއާނާ ބޯޖަހަމުން ގެންދިޔައެވެ.
“އަހަރެން ބޭނުން ބައްޕައާއި ބައްދަލު ކުރެވޭނެ ގޮތެއް.. އެހީވެދޭނަން ދޯ؟” ރުއާނާ އުއްމީދާއި އެކު ބުނެލިއެވެ. ނަމަވެސް ތެޅިގަނެފައި މިސްވާ އެކަމާއި ދެކޮޅު ހެދިއެވެ.
“ނޫން..ނޫން.. އެހާ އަވަހަށް އެކަހަލަ ކަމަކާއި މެދު ނުވިސްނާތި..ރާބިއު އެދެނީ އެހެން ކަމެއް..” “ދެން މިސްވާ ޕްލީޒް.. ބައްޕަ ކޮން ކަމަކު ތަ އެދުނީ.. ނިކަން ކިޔާބަލަ ދުރުދުރުން ނޫޅޭ”
” އެނގޭދޯ ޑޮކްޓަރު އިޒާން؟ އަލާނިއަލްގެ ބޭބެ.. އޭނާ އޮތީ މި ފަންގިފިލާގެ ކޮޓަރިއެއްގަ.. އެކަމަކު އޭނާ އޮތް ވަކި ކޮޓަރިއެއް ނޭނގޭ..އެހެންވީމަ އޭނަ އޮތް ތަނެއް ރުއާނާ ހޯދަންވީ” މިސްވާގެ ޖުމްލަތަކުން ރުއާނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. އިޒާންގެ ނަން އެވަގުތު އައުމުން އޭނާއަށް ތެޅިގަނެވުނެވެ.
“އިޒާން؟ ޑޮކްޓަރު އިޒާން؟ ލިއަމްގެ ބައްޕަވީ މިތާގަ؟” އަނގަމަތީގައި އަތް އެޅުނު ގޮތައް އަދިވެސް ރުއާނާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. މިސްވާ މަޑުމަޑުން އާއެކޭ ބުނެ ބޯޖަހައިލިއެވެ.
“އިޒާން އޮތްތަނެއް އެނގުނީމަ ގީހާ ވެސް އަވަހަކަށް މިތަނުން ނުކުމަންނާނަން… އެއީ މިތަނުން އަހަރެމެން ސަލާމަތް ކުރަން ޖެހޭ މީހުންގެ ތެރެއިން ހަމައެކަނި ނުފެންނަ ފަރާތް.. އަޑުއެހިން ރުއާނާއަށް މިތަނުން ބޭރަށް ނުކުތުމުގެ ހުއްދަ ލިބިފައިވާކަން.. މިހާރުން މިހާރަށް މަސައްކަތް ފަށާ.. ގިނަ ދުވަހެއް ނުލިބޭނެ، ގިނަވެގެން ހަފްތާއެއް ” މިސްވާގެ ޖުމްލަ ރަނގަޅަށް ނުނިމެނީ ދޮރުގައި ޓަކި ޖަހައިލިއެވެ.
“ކައި ނުނިމޭތަ؟” ގޮވައިލީ ބޭރުން ދަރަކްއެވެ. ދެމީހުންނަށް ތެޅުގަނެވުނެވެ. ނަމަވެސް އެއިން ވާހަކައެއް ދޮރުން ބޭރަށް ނުދާނެ ކަން ޔަގީންވާތީ ހަމަޖެހިލަމުން އެއަށް ޖަވާބު ދިނެވެ.
“މިވަގުތުން ފެށިގެން މަސައްކަތް ފަށާ.. މާދަމާހެނދުނު އަހަރެން އަންނާނަން.. މިހަފްތާ އެއްކޮން މިއޮތީ ރުއާނާގެ މަސައްކަތައް ވަގުތު ލިބިފަ” މަސައްކަތުގެ ތަފްސީލް މިސްވާ ކިއައިދިނުމުން ރުއާނާ ބޯޖަހައިލިއެވެ. އިތުރަށް މަޑުކުރެވޭ ގޮތެއް ނުވިއެވެ. ދަރަކް ދެވަނަ ފަހަރަށް ގޮވާލައިފިއެވެ. މިސްވާ ދަމުން ބޯޖަހައިލުމުން ރުއާނާވެސް ފުންނޭވާއެއް ދޫކޮށްލަމުން ބޯޖަހައިލިއެވެ.
“އޭނަ ނުކައިގެން ލަސްވީ.. ރޭގަ އައި މީހާ ބުނި ރުއާނާ އެއްވެސް އެއްޗެއް ރެއަކުވެސް ނުކައޭ، އެހެންވެ ނިއަލް އަންގާފަ އޮތީ ކޮންމެ ގޮތެއް ހަދާފަ ވެސް މިއަދު ކާންދޭން.. އެކަމަކު ވެސް ކީއްކުރާނީ ގޮތެއް ދުލެއް ނުކުރި.. މި ކެއި ވަރު” މިސްވާ ނުކުތުމުން ދަރަކް ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ. ނަމަވެސް މިސްވާ ކުޅަދާނަ ކަމާއި އެކު ހަދާލި ވާހަކައިން މޫނުމަތީގައި ހުރި ކުލަވަރު ވަގުތުން ބަދަލުވިތަން ފެނި މިސްޥާއަށް ވެސް ރުއާނާ އަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“މިހުރިހާ އިރުން ދެ ސަމްސާ ބަތް؟” މިސްވާ ދައްކާލި ބައްތަށިން އެތިކޮޅެއް ވެސް މަދުހެން ހީނުވާތީ ދަރަކް ބުނެލިއެވެ.
“ކަލޭމެންނަށް ކީއް މަ ކެޔަސް ނުކެޔަސް.. ކޮން ބެހޭކަމެއް!” ގަދަކަމުން މޫނަށް ރުޅިވެރިކަމުގެ ކުލަވަރު ވެރިކޮށްލައިގެން މިސްވާއާއި ދަރަކްއާއި ދެމީހުން ކޮއްޕާލަމުން ކޮޓަރިން ބޭރަށް ނުކުމެލިއެވެ.
“އޭ އޭ ކޮންތާކަށް؟” ރުއާނާ ނުކުތްތައް ފެނިގެން ދަރަކްއަށް އަހާލެވުނެވެ. ދުވެލާފައި ފަހަތުން އައިސްފިއެވެ. ނަމަވެސް އެހެން ފަހަރުތައް ފަދައިން ގަދަބާރުން އަނބުރާ ކޮޓަރިއަށް ވައްދާކަށް ނޫޅޫނެވެ. ބޭރުގައި ތިބި ފާރަވެރިން ވެސް ކަމަކަށް ނުހަދާ ތިއްބެވެ. ނިއަލް ހުއްދަ ދީފައި ވާތީ، އެއިން މީހަކަށް ދެކޮޅު ހަދަން ނުކެރޭނެ ކަން ރުއާނާ ދަނެއެވެ. ދަރަކް އަންނަން ފެށުމުން ފޫހި ވައްތަރެއް މޫނައް ޖައްސައިގެން ހުރެ ރުއާނާ ލޯއަޅާލިއެވެ. އެއްޗެއް ބުނެފައި ވެސް ހިތައް އަރައިގެން ދިޔަ އެއްޗަކުން މަޑުޖެހިލިއެވެ.
“މްމްމް.. މީނަގެ ބޮލަށް އެރިލަން ވީ..އެކަމަކު މިއީ ބިލާލްގެ އަތްދޮށުވަޑި.. ވަރަށް އުނދަގޫ ކަމެއް.. އެކަމަކު ވެސް ޓްރައި އެއް ކޮށްލަން ވީ ކަންނޭގެ” ހިތާ ހިތާއި ކިޔާލެވުނެވެ.
“އަހަރެން ވެސް ފޫހި ވާނެ ދޯ އެކަނި އިންނަން ވީމަ.. އިރު އަރާ އޮއްސެންދެން ކޮޓަރީގަ.. ދެން ނިދަންވީ.. ނިދާފަ ހޭލައިގެން ކައިގެން އަނެއްކަ ވެސް ކޮޓަރީގަ… ކޮންމެވެސް ވަރެއްގެ އިންސާނިއްޔަތު ކަމެއް ކީއްވާނި ކަލޭމެން ގެންގުޅެން.. އަހަންނަކީ ވެސް ދިރުން ހުރި ފުރާނައެއް ވިއްޔަ.. އަނެއްކާ އެކުވެރި އެއް ވެސް ނެތް” އަޑަށް މޮޅިވެރިކަން ގެންނަމުން ރުއާނާ އިސްޖަހާލިއެވެ. އޭނާ މިސްރާބު ހުރީ ތިރިއަށް ފޭބެން ހުރި ބޮޑު ހޯލަށެވެ.
“ބިލާލް އުޅުނެއްނު ގުޅުން ރަނގަޅު ކުރަން”
ދަރަކްގެ ޖުމްލައިން ހުއްޓިފައި ރުއާނާ އުޅުނީ ދަރަކުގެ މޫނުގައި ޖަހާށެވެ. ބިލާލްގެ ނަންގަންނަ އިރުވެސް އޭނާގެ ނަފްސަށް ވެރިވެ ގަންނަނީ ތަފާތު ރުޅިއެކެވެ. އަތް މަޅާލި ހިނދު ދެމެދަށް އަތް ހުރަސް ކޮށްލަމުން ދަރަކު ވާހަކަ ދައްކަން ފެށިއެވެ.
“ސޮރީ ސޮރީ..އަހަހަ”
ދަރަކް ހިނިގަނޑެއް ޖަހާލުމުން ލޯ އަޅާލައިގެން ހުރެވެސް ރުއާނާ އަލުން ހިނގައިގަތެވެ.ހުދާއި މުށިކުލައިގެ ރޮނގުތަކެއް ދެމި ލޭސްފޮތީގެ ދިގު މެކްސީގައި ރުއާނާ ފެންނަލެއް ނުހަނު ފުރިހަމައެވެ. ކަލުކުލައިގެ އިސްތަށިގަނޑު ވެސް ކުރިޔަށް ވުރެން ދިގުވެފައި ވީއިރު މިއަދު އާދަޔާއި ހިލާފަށް އެ މޫނު އުޖާލާކަމަށް ދައްކައެވެ. ހެދުން ދިގު ކަމުން ހިސާބަކަށް އުފުލާލައިގެން ހުރެ ރުއާނާ ތިރިއަށް ފޭބިއެވެ.
ހާމައަށް އޮތީ ހޯލެކެވެ. އެތާގައި ހުރެފައި މައްޗަށް ބަލާލުމުން ހަތަރު ބައިގެ ބެލްކޮނިތައް ހާމައަށް މަތިން ފެންނަން ހުއްޓެވެ. ފުޅާ މާލަމުގައި އެކި މަސައްކަތުގައި ގެގައި ގެންގުޅޭ އަހުލުވެރިން ހޭލަމޭލަވަމުން ދިޔައެވެ. ކަޅުހެދުމުގައި މޫނުފޮރިވައިގެން ތިބިއިރު ،އެއްވެސް ވަރަކަށް ވާހަކަ ދެއްކުމެއް ނެތެވެ. އާދައިގެ މަތިން އަމަލުތައް ސިއްވެރިވެރިފައި އަޑެއް ބަޑެއް ނީވެއެވެ. ކުޑަމިނުން ބިމުގައި ފިޔަވަޅު ކޭއްތިލާ އަޑުވެސް ނީވެއެވެ. މިހާރު އެމަންޒަރަކީ އެތައް ފަހަރަކު ފެނފައިވާ މަންޒަރަކަށް ވީ ނަމަވެސް، އަދިވެސް ފެންނަ ކޮންމެ ފަހަރަކު އޭނާ ސިހެއެވެ. ޖެހިލުން ވެއެވެ. ހިތުގައި ނުތަވަނަސްކަން ހިލިގަނެ ތަފާތު ގޮތަކަށް މޭގަނޑު ތެޅިގަނެއެވެ.
ރުއާނާ ފަރާތް ފަރާތް ބަލައިލީ ނިޔަލް ނުވަތަ ބިލާލްގެ ހަބަރެއް ފެނޭތޯއެވެ. އެއިން މީހެއްގެ ހިލަމެއް ނުފެނުމުން ހިތްހަމަ ޖެހިފައި ހުރެ ބޭނުން އެފުރުސަތުގައި މުޅި ގޭތެރެ ބަލާލާށެވެ.
ކަޅާ އަޅިކުލައިގެ ހިލައާއި ގައު ބޭނުންކޮށްގެން ހަދާފައިވާ މުޅި ގަނޑުވަރުގައި ވެސް ވަނީ އާދަޔާއި ހިލާފް ފިނިކަމެއް ހިފާލާފައެވެ.ގޭތެރޭގެ އެކި ހިސާބުގައި ބަހައްޓާފައި ވާ ފާނޫޒްތަކާއި މީރުވަސްދުވާ ޒާތުގެ އުއްބައްތިތަކުގެ ވަސްތަކުން ވަނީ ތަފާތު މީރުވަހެއް ހިފާލާފައެވެ.
“މިތަނުގަ ހުންނަ މީހަކަށް ނޭނގޭނެ އިރު އަރައިގެން އޮއްސުނަސް .. އަބަދުވެސް މިއޮންނަނީ އަނދިރިކޮން.. މި ވެސް ކޮންމެވެސް މަކަރަކުން ހަދާފަ ހުރި ގޮތެއް ކަންނޭގެ” އަނގަޔަށް ވައްތަރެއް ޖައްސާލައިގެން ހުރެ އަމިއްލަ ނަފްސަށް އިވޭވަރަށް ރުއާނާ ވާހަކަ ދެއްކިއެވެ.
ގޭގެ ފުޅާދޮރުން ނުކުމެ ބޭރަށް ބޯދިއްކޮށްލި އިރު ދުވާލުގެ އަލިކަން ފެނިއްޖެއެވެ. ނަމަވެސް ހެނދުނު ވަގުތު ވެސް ބޯކޮން ވެހެމުންދާ ސްނޯގެ ހީވަނީ އިރުއޮއްސިފައި އޮންނަހެންނެވެ. އެކިހިސާބުތަކުގައިވެސް ފާނޫޒުތައް ބަހައްޓާފައި ހުރިއިރު އެވަގުތުވެސް ހުރީ ފަނޑު އައްޔެއް އަންނާނެހެން ދިއްލާފައެވެ. އެކަމުގެ ސަބަބުން ހިނގާ ބިނގާވެ އުޅެން މާ ދައްޗެއް ނޫނެވެ. ހެދުމުގެ މަތިން ކަޅުކުލައިގެ ބޯ ފޮތިގަނޑެއް އަޅާފައި އޮތް އިރު ފޮތިގަނޑުގައި ވަކި އިން ހުޑު ބައި ވަނީ ބޮލަށް ލައްވާލާފައެވެ. ރުއާނާ ފޭބީ ގަނޑުވަރުން ނުކުމެވެން އިން ސިޑިކޮޅުން ލާފައި ތިރިއަށެވެ. ހުއްޓުނީ އެސިޑިކޮޅު ނިމޭ ހިސާބު ގުޅެން އިން ބުރިޖުގެ އަށް އެރުމުންނެވެ.
ފެނިގެންދަނީ ތަފާތު އާޝޯހް ކުރުވަނިވި މަންޒަރެކެވެ. ކުރިމައްޗަށް ސީދާވެފައި އޮތީ ހިލައިން ހަދާފައިވާ ހަނި ބްރިޖުގެ ދެފަރާތުން ހިމަ ދަގަނޑުން ހަދާފައިވާ ރެއިލިންއެއް ލެވިފައިވާއިރު ރެއިލިންގެ ދަގަނޑުގައި ދެފަރާތުން ފާނޫޒް ތަކެއް ދިއްލާފައިވެއެވެ. ބްރިޖްގެ ދެފަރާތާއި ތިރިން ފެންނަނީ ބިޔަ ގަސްތަކުގެ ކުރިތަކާއި ގަނޑުފެނުން ބަރާވެފައިވާ ކުދި ފަރުބަދަ ތަކާއި އޭގެ ކޮޅުތަކުގައި ލެވިފައިވާ ބޯ ދުންފިނީގެ ފަށަލައެވެ.
އެއިން ކޮންމެ މަންޒަރަކީ ވެސް މުޅިން އަލަށް އޭނާއަށް ފެނިގެންދާ މަންޒަރެކެވެ. އެގޭގައި ތިން މަސްދުވަސް ހޭދަ ވެގެން ދިޔައިރު ވެސް އެހިސާބަށް އާދެވުނީ މުޅިން އަލަށެވެ. ފަހަތުގައި ދަރަކު ހުރިކަމެއް ވެސް ހަނދާނެއް ނެތް ފަދައެވެ. އަދި ކުރަން ހިތުލައިގެން ހުރި މަސައްކަތްތައް މަތިން ވެސް ހިނދުކޮޅަކަށް ނަމަވެސް ހީވީ ހަނދާނުން ފިލައި ދިޔަހެންނެވެ. ކުޑަކޮން ދުވެލާފައި ގޮސް ބަނޑު އަލުވާލީ ބުރިޖާއި ގުޅޭހެން އިން ރެއިލިންގައެވެ. ގުދައް އޮވެ ތިރިބަލައިލިއިރު އައިސްބާގް ފަރުބަދަތަކުގެ ރީތިކަމުން ބޭ އިޙްތިޔާރުގައި އޭނާގެ އަނގައިން ތައުރީފްގެ ބަސްތައް ބޭރުވަމުން ދިޔައެވެ.
“ވޯޙްހް..އޯހްހްހް.. ހާދަ ރީއްޗޭ” އެފަރާތުގެ ރެއިލިންގްއިން އަނެއްފަޜާތު ރެއިންގްއަށް ދުވެލަ ދުވެލަ ތިރިން ފެނިގެންދާ މަންޒަރަށް ބަލަން އޮތް އިރު ހީވީ ހިޔާލެއް ފިކުރެއް ނެތް ކުޑަ އަންހެންކުއްޖެއް ހެންނެވެ.
ފެންނަނީ ހަމަ ހިމޭންކަމެވެ. އެހަމަހިމޭން ކަމުންވެސް ހިތްތައް ގުޑިގެންދާނެކަން ގައިމެވެ. ސިފަވަނީ އަނދިރި، ފިނި، އަދި ސިއްރުވެރިކަމެއް އެކުލެވިގެންވާ ތަނެއްގެ ގޮތުގައެވެ. ރުއާނާގެ އަމަލުތައް ދެކެން ފަހަތުގައި ދަރަކު ހުރީ ހިނިއައިހެވެ. އޭނާއައިސް ހުއްޓިލީ ރުއާނާގެ ގާތުގައެވެ.
“ކުރީން އައީމެންނު؟ ނުފެނޭތަ މިތަން ތަނެއް؟” ދަރަކްގެ އަޑަށް ރުއާނާ ބޯހިއްލާލިއެވެ. އޭނާގެ މަސައްކަތް މަތީން ވެސް ހަނދާންވީ ދެނެވެ. ކަރުކެހިލަމުން ދަރަކްއަށް ބަލައިލިއެވެ. މިޙާރު ދަރަކްގެ މޫނުމަތިން ފެނިގެންދަނީ ހިސާބެއްގެ އެކުވެރިކަމެވެ. ނަމަވެސް ރުއާނާ ދެކުނު ގޮތުގައި އެއީ ވެސް ދަޅައެކެވެ.
“ތިބުނީ؟” ރުއާނާ އެއްސެވެ.
“ބިލާލް ކީ ރުއާނާ ކުރީން ގެނައި ވާހަކަ..އެހެންވެ މިއަހާލީ”
“ހޫމްމް.. މިތަނަކަށް ނުގެނޭ…މީނަގެ އެހެން ގަނޑުވަރަކަށް ގެންގޮސް އެތަނުގަ ބެހެއްޓީ.. އެހެންވެ މިތަނެއް ނުފެނޭ.. ” ރުއާނާގެ ޖަވާބުސާފެވެ. ދަރަކު އެހެންހޭ ބުނެ ބޯޖަހައިލިއެވެ. އިތުރަކަށް އެއްޗެއް ނުބުނެއެވެ. އެވަގުތު ކޮޅުގެ ބޭނުން ހިފަން ރުއާނާ ގަސްތުކުރިއެވެ. އެންމެ ފުރަތަމަ ބޭނުންވީ ބޭނުންވީ ދަރަކްގެ ބޮލަށް އެރިލުމަށްޓަކައި ތަންކޮޅެއް ބޮޑަށް ގުޅުން ބަދަހި ކުރާށެވެ.ދަރަކްގެ އެކުވެރިކަން ނުލިބިއްޖެނަމަ ގައިމުވެސް އެކަން ނުވާނެއެވެ. ތުންފަތުގައި ދައިގަނެ ހުރެ އެކަން ކުރާނެ ގޮތަކާއިމެދު ރުއާނާ ވިސްނާލިއެވެ.
“ދަރަކް ވެދާނަންތަ އަހަރެންގެ އެކުވެރިއަކަށް؟” އެއްވެސް އަސަރެއް ނުދައްކާ ރުއާނާ އެއްސެވެ.
“އޭންން؟ އިރު އެރީ ރަނގަޅު ކޮޅުންތަ؟” ރުއާނާގެ އަޑުއަހާފައި ދަރަކްއަށް ސިހިގެން އެހިއްޖެއެވެ. ރުއާނާ ހޭންފެށިއެވެ. ބޯޖަހައިލަމުން ދެވަނަ ފަހަރަށް ސުވާލު ތަކްރާރް ކޮށްލިއެވެ.
“ކީއްވެ އަހަރެންގެ އެކުވެރިކަމަށް؟ މަށާ ބިލާލްއާއި އަބަދުހެން އުޅެނީ އެއްކޮން..އެކަން ހަނދާން ނެތުނީތަ؟”
“ހުރިޙާ މޮޅެއް ޖެހެނީ އޭނައަށްތަ ލިބެން.. އޭނާ ބަހައްޓަބަލަ.. މަށައް ފެނެއޭ އޭނައާއި ގާތްކަން.. އެނގިހުރެ މި އެހީ.. އަހަރެން ކިހާ ފޫހި ވާނެ މިތާގަ އެކުވެރިއެއް ނެތި..” ރުއާނާ ތުން ފިއްތާލިއެވެ. މޫނަށް މޮޅިވެރިކަން ވެރިކޮށްލަމުން ބުނެލިގޮތުން ދަރަކް ބަލައިލީ ހަމްދަރްދީވެ ހުރެއެވެ.
“އޯކޭ..އޯކޭ” ދަރަކް ސަލާމަށް އަތް ދިއްކޮށްލުމުން ރުއާނާއަށް އެތެރެއިން ހީގަނެވުނެވެ. އޭނާގެ އަތުގައި ހިފަން އެއްވެސް ވަރަކަށް ބޭނުން ނުވި ނަމަވެސް ރޭވުމާއި އޮތްގޮތައް ކަންތައް ވެގެންދާނީ އޭރުން ކަމަށް ވުމުން ރުއާނާ ވެސް ސަލާމްކޮށްލިއެވެ. އިރުކޮޅަކު އޭނާއާއި ވާހަކަ ދައްކަން މަޑު ކޮށްލުމަށްފަހު ދަރަކް ދިޔައީ ނިއަލް ހޯދާކަމަށް ބުނެ ގޭތެރެއިން މީހަކު އައިސް ހަބަރު ދިނުމުންނެވެ. އޭނާ ގޮސް ލޯމަތިން ގެއްލުމުން ރުއާނާ މިސްރާބު ޖެހީ އަމިއްލަ ކޮޓަރިއަށްށެވެ. އެންމެ ފުރަތަމަ ވެސް ރުޅިގަދަވެފައި ހުރެ ދަރަކްއާއި ސަލާމް ކުރި އަތް ދޮވެލީއެވެ.
*****
ޒީވާގެ ގައިގާ ބައްދާލައިގެން ލިއަމް އިރުކޮޅަކު އޮތެވެ. އެނބުރި މަސައްކަތައް ދިއުމުގެ ކުރިން މަންމަގެ ފަރާތުން ހިތްވަރު ހޯދުމަކީ ލިއަމް ކޮންމެ ދުވަހަކުވެސް މިހާރު ކުރާ ކަމެކެވެ. އެކަމަކު މިއަދު އެ މޫނުމަތީގައި ވަނީ ތަފާތު ކުލަވަރެކެވެ.
“ދަރިފުޅާ ވަރަށް ހަނދާންވާނެ.. ބަލައިގެން އުޅެއްޗޭ ..” ޒީވާގެ ބަސްތަކަށް ފަނޑު ހިނިތުންވުމަކާއި އެކު ލިއަމް ބޯޖަހައިލިއެވެ.
“މަންމަ ވެސް ބަލައިގެން އުޅޭތި.. ގެއިން ވެސް ނުނިކުންނާތި.. ލޫކް ކައިރީ ބުނެލިން މަޑުކޮށްލަން.. އަހަރެމެން އެންމެން އެއްކޮން ދާތީ ވެ.. މީހަކު ބައްދަލްކުރަން އަޔަސް ނުނިކުމަންނާތި.. މިގޭގެ އެތެރެއަކަށް އެމީހުންނަކަށް ނުވަދެވޭނެ.. މިދާ ގޮތައް ދެން އާދެވޭނީ ބައްޕައާއި ރުއާގެ ހަބަރެއް ވީމަ.. ވާނެ ދުވަހެއް ނޭނގޭ.. ހަނދާން ހުންނާނެ ދޯ މިދެއްކި ޥާހަކަ؟” ޒީވާގެ ނިތުގައި ނުހަނު ލޯބިން ލިއަމް ބޮސްދިނެވެ. ޒީވާ ބޯޖަހައިލިއެވެ. ލިއަމް ގެއިން ނުކުންނަން ދިއުމުގެ ކުރިން އަދިވެސް އެއްފަހަރު ގެނެސް އެ ދަރިފުޅަށް ހިތްވަރުދިނެވެ.
ދެމައިން އެކުގައި ދޮރާއި ހިސާބަށް ދިޔަ ވަގުތުވީ އީތަންއާއި އިޒްވާ ގެއަށް ވަންނަން އައި ވަގުތެވެ. ޒީވާ ފެނުމުން ދުވެލާފައި އިޒްވާ އައިސް ބައްދދާލިއެވެ.
“މަންމާ، އައި ހޭވް އަ ނިއުސް ފޯރ ޔޫ”އެ އޮތްގޮތައް އޮވެ އިޒްވާ ގޮވާލިއެވެ. ލުއި ހިނިތުން ވުމެއްގައި އީތަން ހުރިއިރު ،ލިއަމްއާއި ކައިރިއަށް ޖެހިލަމުން ކޮނޑުގައި ޖަހައިލިއެވެ.
“ކިރިޔާ ދޯ މިއާދެވުނީ.. އިޒީ ލަސްކަމުން އަސްލު” އަންނަން ބުނި ގަޑިއަށް ވުރެން މާ ލަހުން އައުމުން ލިއަމް ސުވާލުކުރުމުން ޖަވާބުގައި އީތަން ބުނެލިއެވެ. އެއާއެކު ފެނުނީ ޒީވާގެ ގައިން ދުރުވެލަމުން އިޒްވާ ލޯއަޅާލި މަންޒަރެވެ. ލިއަމްއާއި ޒީވާ ވެސް އެކަމުން ހިނިއަންނަ ގޮތްވެފައި ތިއްބެވެ. އީތަން އެނބުރި ކާރުގެ ކައިރިއަށް ގޮސް އައީ އިޒްވާގެ ދަބަސްތައް ހިފައިގެންނެވެ.
“ކޮބާ ނިއުސް.. ދޮންބެއާއި އީތަން ދިއުމުގެ ކުރިން ބުނެބަލަ ނިކަން..” އިޒްވާގެ ބޮލުގައި ފިރުމާލަމުން ނުހަނު ލޯބިން ޒީވާ އަހައިލިއެވެ.
“އަމް ޕްރެގްނަންޓް” ހިސާބަކަށް ލަދުން ހުރެ އިޒްވާ ބުނެލި އިރު ލިއަމްއާއި ޒީވާ ތިބީ ހިސާބަކަށް ދެލޯ ބޮޑުވެފައެވެ.
“އޭންން؟ އަސްލުތަ؟” އިޒްވާގެ ކޮނޑުގައި ހިފާލަމުން ޒީވާއަށް އެހުނެވެ. އިޒްވާ އަވަސްއަވަހަށް ބޯޖަހައިލުމުން ޒީވާއަށް ނުހަނު ބާރަށް އިޒްވާގެ ގައިގާ ބައްދާލިއެވެ.
“ދޮންބެ ގެ ކުޑަ ބޭބީ ވެސް މަންމިއަކަށް ވަނީއޭ ދޯ” ލިބުނު އުފާވެރި ހަބަރުން ލިއަމްވެސް ދެމައިންގެ ފަހަތުން ބައްދާލެވުނެވެ. ޒީވާގެ މޫނުމަތިން އުފާވެރިކަން ހިނދުކޮޅަކަށް ވެސް ނުފިލައެވެ.
“ކޮބާ ދަމާ”
ތިންމީހުން ދުރައް ޖެހިލީ ލޫތުގެ އަޑުންނެވެ. އިޒްވާއާއި އާއި ޒީވާއަށް އަތުން ހަނާއަޅާލުމަށްފަހު ލިއަމް އާއި އީތަން، ލޫތުގެ ފަހަތުން ގެއިން ނުކުތެވެ. އެމީހުންގެ އިންތިޒާރުގައި ބޭރުގައި ތިބި މީހުންނާއި އެކު ދަތުރު ފެށިއެވެ. އިރުއޮއްސި، ރަން ދޯދިތައް ފަނޑުވަމުންދިޔަ ވަގުތު ކަމުގައި ވިޔަސް، ފައިބަމުން ދިޔަ ބޯ ސްނޯގެ ފަރުދާގެ ސަބަބުން އިރުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ވައިގެ ތެރެއަށް ފަތުރުވާލި ވަރުގަދަ ފިޔަގަނޑުތަކާއެކު އުދުހެން ފެށިއިރު، ބޯވިލާތަކުގެ ތެރެއިން އެމީހުން ސިފަވަނީ ދުވެލި ހަލުވި އަލިގުޅަ ތަކެއްގެ ގޮތުގައެވެ. އެތައް އިރަކު ވައިގެ ތެރޭގައި އުދުހުމަށްފަހު، އެމީހުންގެ މިސްރާބު ހުރީ ޒައްޔާންގެ އާއިލާގެ ގަނޑުވަރަށެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި މަންޒިލަށް ވާސިލުވެވުނެވެ.
****
ކުރިމަތިން ފެންނަން އޮތް ހައިބަތު ބޮޑު ގަނޑުވަރާއި މާ ދުރު ނޫން ހިސާބެއްގައި، ވެހެމުން ދިޔަ ސްނޯވްގެ ތެރޭގައި މުޅި ލަޝްކަރު ސަފުތަކަށް އެތުރިގެން ތިއްބެވެ. އެމީހުންގެ ކުރިމަތީ މަޑުކޮށްލައިގެން ހުރީ އިސްކޮޅުން ދިގު، ހަށިގަނޑު ވަރުގަދަ ޒުވާނެކެވެ. ކަޅުކުލައިގެ ގަމީހާއި ޖީންސުގައި އޭނާ ހުރިއިރު، ކަރުގައި އޮޅާލާފައިވާ ބޯ ސްކާފުން މޫނުގެ ބޮޑުބައެއް ވަނީ ފޮރުވިފައެވެ. ކަނދުރާއާ ހަމައަށް ފައިބާފައިވާ ކަޅުކަންގަދަ އިސްތަށިގަނޑުގެ ތެރެއިން ނިތްކުރިމައްޗަށް އުފުލިފައިވާ އިސްތަށިތަކުގެ ދޭތެރެއިން ފެންނަ މަޑުމުށި ކުލައިގެ ދެލޮލުގައި ވަނީ ސިއްރުވެރި ޖާދުލެކެވެ. އެއީ އެންމެ ނަޒަރަކުން ވެސް އިންސާނެއްގެ ހިތުގެ ވިންދު އަވަސްކޮށްލާ ފަދަ ތޫނުފިލި ދެލޮލެވެ. ޖީބަށް އަތް ޖަހާލައިގެން ހުރިއިރު، އޭނާ ކަމަކަށް ނުހަނު ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުންދާ ފަދައެވެ. އެކަން ޔަގީންވީ ގަނޑުވަރުގެ ތެރެއިން ނުކުތް އުވައިތް އާއި ރަޒަލް ގެ އިތުރުން ނުކުތް އެމީހުންގެ ލަޝްކަރުގެ ތިން މީހަކުފެނުމުން ، ކުރިއަށް ހިނގައިގަތުމުންނެވެ. ދެމދުގައި ދުރު ރާސްތާއެއް އެއްއޮތްނަމަވެސް ޒުވާނާ އެ ރާސްތާ ކަނޑައްތުކޮށް އެމީހުންގެ ކުރިމައްޗަށް އެރީ މަޑު ސިކުންތުކޮލެއްގެ ތެރޭގައެވެ.
“އަޒްލާން، އެތާކު ނެތް އެކަކުވެސް.. މިއީ ވެރިކަން ކުރާ މަޖިލީސް އަދި މާއިޝް ދިރިއުޅޭ އޭނާގެ ގަނޑުވަރު.. މިތާގަ އޭނަ ނެތިއްޔާ ދެން ކިހިނެތް ހަދާނީ! އޭނާ ވެރިކަމުގައި އުޅުނު ތިރީސް އަހަރުވެސް ހޭދަ ކުރީ މިތަނުގަ” ވާހަކަ ދެއްކީ އުވައިތްއެވެ.
“އަހަންނަށް ޝައްކު ވެއްޖެ ކަމަކާ.. މީގެ ހަފްތާއެއް ކުރިން އޭނާ ގެ ކައިރިއަށް އައި އިރު ވެސް އާދައިގެ ގޮތަކަށް ދޯ ވާހަކަ ދެއްކީ.. އެކަމަކު އިއްޔެ ތަފާތު.. ހީވީ އަހަރެމެން ފޮނުވާ ނުލެވިގެން އުޅުނުހެން.. މިއަދު އައި އިރު މުޅި ގަނޑުވަރު ހުސް” ރަޒަލް ވެސް އުވެއިތުގެ ވާހަކައަށް ބާރުދިނެވެ.
“އެކަކުވެސް ނެތްތަ ؟ އޭނަ ނެތަސް އޭނަގެ އަޅުންނާއި އެތަން ބަލަހައްޓާ މީހުން ވެސް އުޅޭނެ އެންނު” ބަރު އަޑެކެވެ. އެއަޑެއް އިވުމުން އެހެން މީހުން ހަމަހިމޭންވެ ޖެހިލުންވެގެން ދާފަދަ އަސަރުތަކެއް އެއަޑުގައި ވެއެވެ. ގަނޑުވަރުގެ މަލަމައްޗަށް އަޒްލާން ކަޅި ހިންގާލިއެވެ.
“އެހެންވެ ހައިރާންވަނީ.. އެތާގަ ނެތް ހަމަ އެކަކުވެސް.. މުޅި ގަނޑުވަރު ހުހަށް.. ދޮރުތައް ވެސް ހުޅުވާފަ.. އަހަރެންގެ ހިތް ބުނަނީ މިކަންތަކާއި އޭނައާއި ގުޅުމެއް ވެއޭ.. އެނޫންނަމަ ހީވޭތަ މިހެން ކުއްލިއަކަށް ޢައިބުވެދާނެހެން” އަނެއްކާ ވެސް ރަޒަލް ވާހަކަ ދެއްކިއެވެ. ޖަވާބެއް ނުދީ އަޒްލާން، އޭނާގެ ހަލުވި ދުވެލީގައި ގޮސްވަނީ ގަނޑުވަރުގެ ތެރެއަށެވެ. ފަހަތުން ލަޝްކަރުވެސްވަނެވެ. ތެދެކެވެ. ހައިރާންވާވަރުވިއެވެ. އެބޮޑު ގަނޑުވަރުގައި ދިރޭ ފުރާނައެއް ނެތެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ހުސްކަމާއި ހަމަހިމޭންކަމެވެ. މާއިސްގެ ގަނޑުވަރާއި ގަނޑުވަރުގެ ވަށައިގެންވާ ސަރަހައްދު އެމީހުން ބެލިއެވެ. އެހެނަސް ކާމިޔާބެއް ނުވިއެވެ.
“ކިހިނެތްބާ މިވަނީ؟” އުވެއިތުގެ މޫނުން ވެސް ފެނިގެންދަނީ ކަންބޮޑުވުމެވެ. ހުސްއަތާއި އެމީހުން އެތަނުން ނުކުމެ ބޭރުގައި ނުކޮށްލީ އަޒްލާން ނުކުންނަންދެނެވެ. އޭނާ އޭރުވެސް އެތެރޭގައި ހަރަކާތްތެރި ވަމުން ދިޔައެވެ.
ތަފާތު ކަމެއް ނުފެނުމުން، އެހެންމީހުންގެ ގާތައް އަޒްލާން ވެސް އެންމެ ފަހުން ނުކުންނަން ދިޔައެވެ. އެބޮޑު މައިދާން އެއީ އަބަދުހެން އެތައް ބަޔަކު ހަރަކާތްތެރިވަމުންދާ ތަނެކެވެ. މީހަކު ފެންނަން ނެތްތާގައި އެމީހުންގެ އެއްވެސް ސާމާނެއްހާ ހިސާބުވެސް މިއަދު ފެންނަން ނެތުމުން ސުވާލު ނުއުފެދި ނުހުންނާނެ ތާއެވެ. ރަޒަލް އެބުނާހެން އެކަންތައްގަނޑުގެ ފަހަތުގައި މާއިސްގެ އަތެއް އޮތީބާއެ ހިތައް އެރިއެވެ. ދެވަނަ ސިކުންތު އެކަމާއި ހިތާއިހިތުން ދެކޮޅު ހެދުނެވެ. ނޫނެކެވެ.އެއީ ވުމަށްވުރެން ނުވާނެ ކަމެކެވެ. މާއިސްއަކީ އެންމެންގެ އިޙްތިޜާމާއި ގަދަރް އަދި ލޯބި ހޯދާފައިވާ މީހެކެވެ. އާއިލާއާއި ވެސް ގާތް ގުޅުމެއް އޮންނަ މީހެއް ކަމުން އެކަމުގައި އެކަމުގައި މާއިސް ޝާމިލް ވެދާނެކަމަކަށް އޭނާއަކަށް ނުބެލުނެވެ. އެހެންނޫނަސް އޭނާގެ ބައިވެރިވުން އެކަމުގައި ހިމެނެންވީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ. އަޒްލާންއަށް ދެކޮނޑު އަރުވާލެވުނެވެ.
ދޮރު ލައްޕާލާ ނުކުންނަން ދިޔަ ވަގުތު އެތެރެއިން ހިޔަންޏެއް ހުރަސްކޮށްލި ހެން އަޒްލާންއަށް ހީވިއެވެ. ދެވަނަ ފަހަރަށް ހިޔަނި ހުރަސްކޮށްލީ އޭނާ ބަލަހައްޓައިގެން ހުއްޓައެވެ. ބާރު ދުވެލީގައި ދިޔައިރު އޭނާގެ އަތު ނުޖެހުމަށްޓާކައި އެމީހަކު ވެސް ނުހަނު ބާރަށް ދުއްވައިގަތެވެ. ނަމަވެސް އަޒްލާންގެ ބާރާ ބަލާފައި އޭނާއަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. މާ ދުރަށް ނުދެވެނީސް އަޒްލާންގެ އަތްދޮށުވިއެވެ. ކަޅުކުލައިގެ މާސްކަކުން މޫނު ފޮރުވައިގެން ހުރިއިރު ކާކުކަމެއް ހޯދާކަށް ވެސް އަޒްލާން ނޫޅުނެވެ. ރަޒަލްއާއި އުވެއިތުގެ ގާތައް ގެންދިޔައީ އޭނާ ގަދަހަދަމުން ދަނިކޮންނެވެ.
“އޭ އޭ، މި ކޮން ކަމެއް؟” ހައިރާންވެ ހުރެ އުވެއިތު އެއްސެވެ. އޭނާގެ ގާތުގައި ތިބި އެހެން މީހުން ވެސް ތިބީ ހައިރާންވާ ގޮތްވެފައެވެ. އެ އެންމެން އެތަނުން ނުކުތީ އެތައް އިރަކު ބެލިބެލުމުން ވެސް އެތަނުން އެއްވެސް މީހަކު ނުފެނުމުންނެވެ. އޭނާ ފެނުނު ގޮތް އަޒްލާން ކިޔައިދިނުމުން އުވެއިތް ގާތްވެފައި އޭނާގެ މާސްކު ނަގާ ހޫރުވާލިއެވެ. ޒުވާން ފުރައިގެ ފިރިހެންމީހާ ބިރުން ހުރެ އިސްއުފުލާލިއެވެ. އެހިނދު ސިހިފައި އުވެއިތަށް ފަހަތައް ޖެހެވުނެވެ. އެއީ ކޮންމެ ވެސް ތާކުން ފެނިފައިވާ މީހެކެވެ. ވިސްނާ ވިސްނާ ވެސް އުވެއިތް ހަނދާންވާގޮތެއް ނުވިއެވެ. ރަޒަލްއާއި އަޒްލާންގެ އިތުރުން ދެން ތިބި އެކަކަށް ވެސް އެއީ ކުރިން ފެނިފައި ނުވާ މީހެކެވެ. އޭރުވެސް އުވެއިތް ދިޔައީ އެ ޒުވާނާގެ މޫނަށް ބަލަމުންނެވެ.
“ތި..ތިއީ ކާކު؟ މިތާގަ ވަގަށް ކީއް ތިކުރަނީ؟” ސުވާލު ކުރީ އަޒްލާންއެވެ. ނަމަވެސް އަނގަހުޅުވާލާނަމޭ އޭނާގެ ހިތައް ވެސް ނާރާ ކަހަލައެވެ. އެއްވެސް ބަހެއް ނުބުނެ އިސްޖެހި ގޮތައް ހުރީއެވެ.
“ކާކުހޭ؟” އޭނާ ލައިގެން ހުރި ކަޅުކުލައިގެ ގަމީހުގެ ގިރުވާނުގައި ހިފައި ދަމައިގަންނަމުން އަޒްލާން ކުރަމުން ދިޔަ ސުވާލު ތަކްރާރް ކޮށްލިއެވެ.
“އާން ހަނދާން ވެއްޖެ އިޒީގެ ވެޑިންގްއަކަށް ދިޔަ މީނަ.. އެގޭ ކޮންމެވެސް އަންހެންކުއްޖަކާއި އެއްކޮން އުޅުނީ.. ހިނގާބަލަ ލިއަމް ކައިރިއަށް އޭނަ އައިސްފި” އުވެއިތް ހަނދާންވެގެން ބުނެލިއެވެ. އެއާއި އެކު އެހެން މީހުން ވެސް އުވެއިތުގެ ބަހަށް ތާއިދު ކޮށްގެން އެތަނުން ދިއުމަށް އަވަސް ވެގަތެވެ.
****
ކަޅުކުލައިގެ ދިގު ވަރަ ލައްޕާލުމަށްފަހު ލިއަމް އެ ގަނޑުވަރުން އެތެރެއަށް ވަންނަން އައެވެ. އޭނާ ގެ އިޝާރާތައް އެހެން މީހުން ބޭރުގައި މަޑުކޮށްފައި އީތަން އާއި ލޫތް ވަނެވެ. ގޭގެ އެތެރެއިން ޒައްޔާންއާއި ބައްދަލުވިއެވެ.
“އެބަތިބި އަލާނިއަލްބެ މެން ވެސް.. ތި މީހުން އަންނަންދެން ކާފަ ވެސް މަޑުކޮށްގެން އިނީ”
ޒައްޔާން ވާހަކަ ދެއްކިއެވެ. އެމީހުން ވަނީ ޒާހީ އާއި އަލާނިޔަލް އަދި ޔަޒަކްއާއި ޒަބީގްގެ އިތުރުން އާއިލާގެ ބޮޑެތިމީހުން ހާޒިރްވެ ތިބި ކޮޓަރިއަކަށެވެ.
“މިއޮތް އައީނު…ލަސްނުކޮށް މަޝްވަރާ ފަށަން ހިނގާ” އަލާނިއަލް ވާހަކަ ދެއްކިއެވެ. އޭނާގެ އިޝާރާތާއި އެކު ވާހަކަ ދައްކަން ފެށީ ޒައްޔާންއެވެ.
“ކިހިނެތް ހަދަން މިހާރު ވިސްނަންވީ.. މަށައް ވިސްނެނީ މާއިސްގެ ހަބަރެއް ވަންދެން މަޑުކޮށްލަން.. މިހާރު އެމީހުން އަންނަން އުޅޭނެ ކަންނޭގެ.” ޒާހީ ބުނެލިއެވެ.
“އެންމެން އިއްތިފާގުވޭ އެބަ މިގަނޑުވަރާއި ޖެހިގެން މިއޮތް ހިސާބުންކަމަށް އެންމެ ފަހުން އެމީހުން ފެނުނީ.. މަގޭ ހިތް ބުނަނީ ސިހުރުވެރިންގެ ބޭނުން ކޮށްގެން ފޮރުވިގެން ތިބެނީއޭ..އެކަހަލަ ކަމެއްތޯ ބެލޭނެ ވަރުގެ ވެސް އެންމެ މީހެއް އަހަންނަށް އެނގެނީ.. އޭނަގެ އެހީ-” ޒާހީގެ ވާހަކަ އެހިސާބަށް ދިޔަ ތަނުން ބޭރުން އަޑު ފަށެއް އިވިއްޖެއެވެ. ކުއްލިއަކަށް އިވުމުން އެންމެންނަށް ވެސް ކޮޅަށް ތެދުވެނީ ސިހިގެންނެވެ. ދޮރާއި ހިސާބަށް ދެވެން ވާއިރަށް ބޭރުން އައި ތިން މީހުން އެތެރެއަށް ވަދެއްޖެއެވެ. އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ހާއްސަކޮން އަޒްލާން ހިފަހައްޓައިގެން ހުރި ނުދަންނަ ޒުވާނާ ފެނި ހައިޜާންވިއެވެ.
އުވެއިތުއާއި ރަޒަލްގެ މެދުގައި އަޒްލާން ހުރިއިރު އެންމެންގެ ކުރިމައްޗަށް ވާހެން، އޭނަ ހިފަހައްޓައިގެން ހުރި ޒުވާނާ ހޫރުވާލިއެވެ. ޒުވާނާގެ މޫނުފެނުމުން އެންމެ ބޮޑު ސިހުމެއް ލިބުނީ ލިއަމްއަށެވެ. އީތަންވެސް ހުރީ އެފަދަ ހާލެއްގައެވެ. އަޒްލާން ހޫރުވާލި ލެއް ބާރުރުކަމުން ނުތެދުވެވި އޮވެފައި އޭނާ ދެފައި މައްޗަށް ކޮޅަށް ތެދުވިއެވެ. އެ މޫނުން ފެންނަން ހުރީ ޖެހިލުންވުމުގެ ކުލަވަރު ތެރެއިން ވެސް މަކަރުވެރި ކުލަވަރެއް ފެނިލިއެވެ. ލިއަމް، އޭނާގެ ކުރިމައްޗަށް ހުއްޓުމުން އެކުލަވަރު ވަކިން ފުންވިއެވެ.
“ޖެ..ފް..ރީ..ން؟”
ކޮންމެ އަކުރެއް ލިއަމްގެ އަނގައިން ނުކުތީ ނުހަނު ލަސްލަހުންނެވެ. ކުރިމަތީގައި އެހުރީ ރުއާނާގެ އެކުވެރިޔާ ޖެފްރީންއެވެ. ނީރާގެ ލޯބިވެރިޔާ ވެސް މެއެވެ. އޭނާ ހީކޮށްގެން ހުރީ އެއީ ރަނގަޅު ޒުވާނެއް ކަމުގައެވެ. ލިބިފައިވި ސިހުން ފަނޑުވެ ރުޅިވެރިކަމުން މުޅި މޫނު ފެވިއްޖެއެވެ.
****
(ނުނިމޭ)
Awh congrats izzy and eithan!!💕 mi part ves vrh salhi. Cant wait for the next one..
What the helll!!!!
Jefreen is a bad personnn???
So curious.
When next???
Whatt JEFREEN eyyy??????
Wow