ހިރާސް 2 (22) – Vaahaka by Ann
ހިރާސް (ސީޒަން 2)

ހިރާސް 2 (22)

އެ ނުބައި ހިނިތުން ވުމުގައި ހުރެ ރުއާނާ ގޮވައިގެން ކުޑަދޮރުން ބޭރަށް ދެމިގަތެވެ. އެމީހުންގެ ފަހަތުން ލިއަމް ނުކުމަންނަށް ކުރި ހުރިޙާ މަސައްކަތެއް ބޭކާރު ވެއްޖެއެވެ. ބަނޑައް އަރައިގެން ތޫނު ހަމަލާއާއި އެކު ހަށިގަނޑަށް ހުއްޓުން އެރިއެވެ. ބަލާލިއިރު ބަނޑަށް ވަދެފައިވާ ތޫނު ދަގަނޑު ފެނުނެވެ. އެހިސާބުން ލޭގަނޑު އޮހޮރިގެން އަންނަމުން ދިޔައެވެ. ބޮޑުވެފައިވާ ދެލޮލުން ކަރުނު ފައިބަމުން ދިޔައިރު، ހަށިގަނޑުން އެކީ ބާރު ހުސްވެ އަރި އަޅާލިއެވެ.
****
ލިއަމް ވެއްޓުނު ހިސާބުގައި ލޭގެ ކޯރެއް ފެވިލަން ނެގީ މަދު ސިކުންތުކޮޅެކެވެ. ދުވެފައި އައިސް ޔަޒަކްއަށް ޖެހިގަނެވުނީ ލިއަމްގެ ފައިބުޑަށެވެ.
“ބިލާލްގެ ފަހަތުން ދޭ! އޭނާ ހުއްޓުވާ!” ޔަޒަކުގެ އަޑު ނުކުތީ ކަރުބުޑުންނެވެ. ލިއަމްއަށް ވެގެން ދިޔަ ގޮތުން ލިބިފައިވާ ވަރުގަދަ ސިހުމުގައި އެންމެންހެން ތިބީ ޖެހި ބުދުތަކެއްހެން ހުއްޓުން އަރާފައެވެ. އެއަޑާއި އެކު ތެޅިގަނެފައި އެއްބަޔަކު ބޭރަށް ނުކުތް އިރު އަނެއްބަޔަކު މިސްރާބު ހުރީ ރުއާނާއިން ކޮޓަރީގެ ތެރެއަށެވެ.
“ކިހި-” ލިއަމްގެ ގާތަށް ހުއްޓުނު ލޫތުގެ ދުލުން ބޭރުވާން އުޅުނު ސުވާލު، ފެނުނު ބިރުވެރި މަންޒަރަކުން އަރުތެރޭގައި ތާށިވިއެވެ. ޔަޒަކު ރޮވިފައި އިނދެ، ތުރުތުރުލާ ދެއަތުން މަސައްކަތް ކުރަމުން ދިޔައީ ލިއަމްގެ ބަނޑަށް ހެރި، ހަށިގަނޑު ފޫއަޅުވާލާފައިވާ ކަޅު ދަގަނޑުގަނޑު ނައްޓުވާލެވޭތޯއެވެ. އެ ރަތް ލޭގެ ތެރެއިން ވަކިން ފާހަގަވަމުން ދިޔަ ގަދަ ފެހިކުލައިގެ ދިޔައެއް ފެނުމުން މުޅި މާހައުލަށް އިތުރު ބިރުވެރިކަމެއް ވެރިވިއެވެ.

“ބަލާބަލަ..” ދެލޯބޮޑުވެފައި ހުރެ ލޫތް ދައްކާލިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނުތަކުގެ ތެރެއިން ޔަޒަކު ބޯޖަހައިލިއެވެ.
“ޒަހަރު.. ވިހަ ޒަހަރު”
ތުރުތުރު ލާވަރުން ޔަޒަކުއަށް ނައްޓާލަން ފަސޭހަ ކަމަކަށް ނުވިއެވެ. ލިއަމްގެ މެރިފައިވާ ދެލޮލާއި އެކު އަނގައިގެ މިޔަކަނުން ތިކިޖަހަމުން ދިޔަ ކަޅުލޭތައް އޭނާ މުޅިން މާޔޫސް ކޮށްލައިފިއެވެ. ނަމަވެސް ލޫތް ހިތްވަރު ދުލެއް ނުކޮށްލިއެވެ. ގެއްލިގެންދާ އެންމެ ސިކުންތަކީ ވެސް ލިއަމްގެ ފުރާނައަށް ހުރި ނުރައްކަލެކެވެ. ޔަޒަކު ދުރަށް ހޫރުވާލަމުން ހަށީގައި ހުރި ބާރެއްލާފައި އެ ދަގަނޑު ގަނޑުގައި ހިފައި ލޫތް ދަމަން ފެށިއެވެ. އޭގައި ހޭކިފައި ހުރި ފެހި ކުލައިގެ ދިޔަ އޭނާގެ ހަށިގަނޑުގައި ޖެހިއްޖެނަމަ އޭގެ ވޭން އޭނާއަށް ވެސް ތަހައްމަލް ކުރަން ޖެހޭނެކަން އެނގިހުރެ ވެސް އެކަމަކަށް އެއްވެސް ފަރުވާލެއް ނުބެހެއްޓިއެވެ. އެތައް މަސައްކަތަކުން ނެއްޓޭ ވަރު ވުމުން ލިއަމް ނަގަން އުޅުނެވެ. އެވަގުތު އަލާނިޔަލް ވެސް އައުމުން ދެމީހުން ވެގެން ލިއަމް ނެރުނެވެ. ހިތްވަރުކޮށްފައި ޔަޒަކު އެމީހުންގެ ފަހަތުން އައިސްފިއެވެ.

ލިއަމް ގޮވައިގެން ކާރުގައި ދުއްވާލިތަން ފެނި ޒައްޔާންގެ ހިތައް ވެގެން ދިޔައީ ނުބައި ގޮތަކެވެ. އެކުވެރިޔާގެ ގާތައް ދާން ބޭނުން ވީ ނަމަވެސް މިވަގުތު ދެވޭކަށް ވެސް ނެތެވެ.
“އެމްބިއުލޭންސް އެބައާދޭ.. ވިހަ ގޭހެއް ތަނަށް ދުއްވާލާފަ ދޮރު ތަޅު ލާފަ ހުރީ ބޭރުން .. އެތެރޭގަ ތިބި އެއްވެސް މީހެއްގެ ހޭވެރިކަމެއް ނެތް.. އަދްރެކްއާއި އީތަން، ދެން ދެތިން ކުއްޖަކު އެކަނި ކޮޅަށް ވެސް ހުރެވެނީ .. އެވެސް އަހަރެމެންގެ ނަސްލަށްވީމަ..”
ޒައްޔާން އުދުހިގަންނަން ތައްޔާރުވެލި ހިނދު އެތެރެއިން އެމީހުންގެ މީހަކު ނުކުމެ ހަބަރު ދިނެވެ. ޒައްޔާން މެޔަށް ފިނިވެގެން ދިޔައީ އެތަނުގައި އާލިއާ ވެސް ވެއްޖެކަން ހަނދާން ވުމުންނެވެ. ވައިރޯޅިއެއްހާ ހަލުވި މިނުގައި ގޮސް ހުއްޓިލީ އިރު އަށިތަކުގައި އެންމެން ނެރެމުން ދަނީއެވެ. އީތަންއާއި އަދްރެކް ވެސް އެހެން މީހުންނަށް އެހީވަމުން ދިޔައިރު ކޮޅަށް ހުންނާނެ ވަރުވެސް ނެތެވެ.
“ކިހިނެތް ވީ؟” އާލިއާ ނެރުނު ތަން ފެނިގެން އެދިމާލަށް ދެވުނު ގޮތް ވެސް ނޭނގެއެވެ. ދެލޯ ހުޅުވިފައި އޮތް އިރު މުޅި ކުއްޖާ އޮތީ ނޫވެފައެވެ. ޒައްޔާން ފެނުމުން ރޮވުނެވެ.
” ރު..ރުއާ ކޮބާ؟” ބަލި އަޑަކުން އާލިއާ އަހައިލި ސުވާލަކަށް ޒައްޔާންއަކަށް ޖަވާބެއް ނުދެވުނެވެ. ހަމައެކަނި ދެފަރާތައް ބޯހުރުވާލެވުނީއެވެ. އާލިއާ ގެނެސް މޭގައި ބޮނޑިކޮށްލެވުނު އިރު އޭނާއަށް ވެސް ރޮވިއްޖެއެވެ. އާލިއާ އެދުނީ ތަނެއްގައި ބައިންދާލަ ދިނުމަށެވެ. އޭރު ކޮންމެވެސް ވަރަކަށް ހަމައަކަށް ހުރީ އެޅެންފަށާފައެވެ.
ގޯތިތެރޭގައިވާ ބެންޗެއްގައި އިށިންދެލަމުން ޒައްޔާން ބަލައިލީ އެމްބިއުލޭންސްތައް ގޭޓުން ވަންނަމުން ދިޔަ މަންޒަރަށެވެ. އަލުން އިންތަނުން ތެދުވެ، އިޒްވާ ގޮވައިގެން އީތަން އެރި އެމްބިއުލޭންސް އަށް ޒައްޔާން އަރައިފިއެވެ. އިޒްވާގެ ހޭވެރިކަން އެއްވެސް ވަރަކަށް ނެތް އިރު އީތަން ވެސް އިނީ، އޭނާ އިން ފަދަ ހާލެއްގައެވެ. ޑޮކްޓަރަކަށް ވިޔަސް ގާތް މީހަކަށް ހާލަތެއް މެދުވެރި ވެއްޖެނަމަ ބަލިކަށި ވަނީއެވެ. ނަރުހުން އިޒްވާއަށް ފަރުވާ ދެމުން ދިޔަ އިރު ވެސް އީތަން މަޑުމަޑުން އިންތަން ފެނި ޒައްޔާންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.
“ކިހިނެތް ވީ؟” ޒައްޔާން އަހައިލީ އީތަންގެ ގާތުގައެވެ.
“ރުއާގެ ހާލަތު އަދްރެކް މަށައް ކިޔައިދިނީ އިޒީ ދޮންބެ ނުކުތް ވަގުތު.. އަދްރެކް ބަސް ހުއްޓިފަ އިންނާތީ މަ އެހީ.. ފުރަތަމަ ނުކިޔާދޭން އުޅެފަ ފެށީ.. އެޑީ އަކަށް ނޭނގޭ އަހަންނަކީ އެ ނަސްލުގެ މީހެއްކަމެއް.. އިނދެ އިނދެފަ ބުނީ ، ކޮންމެ ގޮތެއް ވިއަސް އިޒީއާއި މެރީ ކުރީމަ އެހަގީގަތް އެނގޭނެ އެންނޫންހޭ.. އެހެން ބުނިތަނާ އަހަރެން ބުނެފިން އަހަންނަކީ ކާކުކަން.. ދެން ލިބިފަ އިން ޝޮކް ގަ ވާހަކަ ދައްކަންފެށީ.. ރުއާގެ ޙާލަތު ބުނީ.. އެޑީ ބުނި އެތަނަށް ވެސް އައިސްފާނެއޭ .. ދެމީހުންނަށް ވާހަކަ ނިންމާ ނުލެވޭ އެތެރެއަށް އެމީހުންގެ މީހުން ވައްދާލިއިރު.. އަތުގަ ހުރި ވަރަށް ބައިވަރު ގްރަނޭޑު ތައް.. އެއީ އާދައިގެ އެއްޗިސް އެއް ނޫން.. އެތައް މިތަނައް އުކަން ފެށި އިރު އެއިން އެރި ވިހަ ދުން މުޅި ތަނަށް ފެތުރޭކަށް ނުނަގާ މާގިނަ އިރެއް.. އަހަރެމެން ދެމީހުން މޫނު ކަވާރ ކުރީމަ މިވަރު ވެސް މިވީ… އިޒީ އާއި ލޫކް އަދި އާލް އަދި ޔީލާ އަހަރެމެން ނަސްލު ކަމުގައި ވިޔަސް އެމީހުންނަށް އެއްވެސް ކަމެއްނުކުރެވުނު.. އިންސާނުން އުފައްދާ އެއްޗިސްއިން މާ ބޮޑު ކަމެއް ނުވިއަސް އަހަރެމެން ނަސްލު މީހުން މިބޭނުންކުރާ ސާމާނުގެ ބާރު، ބްރޯއަށް ވެސް އެނގޭނު.. އެއިން އެއްޗެއްގެ ޝިކާރައަކަށް ވެއްޖެނަމަ އާދައިގެ އިންސާނުންހާ އަހަރެމެން ވެސް ބަލިކަށި ވެއެއްނު.. އެހެން ވީ އަހަރެމެންނަށް ވެސް..” އީތަން ކިޔައިދިނެވެ. ޒައްޔާންއަށް މޫނު އަނބުރާލެވުނެވެ. މުޅި ހަށިގަނޑުގައި ހިލިގަތީ ތަފާތު ރުޅިއެކެވެ.
“އެނގޭތަ އެއީ ކޮންކަހަލަ ވިހައެއް ކަމެއް؟”
“ހައިޑްރޮޖެން ސައިނައިޑް.. ޕްލަސް މީތޭން” އީތަންގެ ޖަވާބުން ޒައްޔާން ދެލޯ ބޮޑުކޮށްލެވުނެވެ.
“ކުޑަ އިރުކޮޅެއް ލަސްވި ނަމެވެސަ މުޅިތަނުގައި އަލިފާން ވެސް ރޯވެދާނެ .. އަދި އަހަރެމެން އެންމެންގެ ނިމުން ވެސް އައީސް” އީތަން އިތުރަށް ތަފްސީލް ކޮށްދިނެވެ. އިޒްވާ އެހާ ބަލިކަށިވެފައިވާ މަންޒަރު ފެންމަން ދިޔައިރު އީތަންގެ ހިތް ހީވީ ނުބައި ގޮތަކަށް ފިތެމުން ދިޔަހެންނެވެ. އެ މޫނުގައި ފިރުމާލި އިރު އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔަ މިންވަރު ކިތަންމެ ރަނގަޅަކަށް ވެސް އީތަންގެ މޫނުން ފެނެއެވެ.
“ދޮންބެ ދާންވީ އެންނު.. އެމީހުން ކައިރިއަށް … އަހަންނަށް އެކަނި ހިނގާލެވޭނެ މިހާރު” ނުހަނު ހިތްވަރު ކުރަމުން ޒައްޔާންގެ ކޮނޑުން ބޯހިތްލާލާފައި އާލިއާ ބުނެލިއެވެ.
“އެއީ ތެދެއް.. އަހަރެން ބަލާނަން އާލް.. އެމީހުންނަށް އެހީއެއް ވެވޭނީ ވެސް ބްރޯ ދިޔައީމަ” އީތަން ވެސް އާލިއާގެ ބަހަށް ތާއީދުކުރިއެވެ.
“ޔޫ ޝުއާރ؟ ދެ އަންހެންކުދިން ބެލޭނެ؟ މިއީ އަހަރެންގެ ހުރި ހަމައެކަނި ފުރާނަ އެނގޭ”
”އިރާދުކުރެއްވީތީ ބަލާނަން.. ދޮންބެ ބުނާ ގޮތުން އެމީހުންނަކަށް ނުވަދެވޭނެ ހޮސްޕިޓަލަކަށް.. އެނގޭދޯ ސީލް.. މިދާ ގޮތައް ދާނީ ހޮސްޕިޓަލަކަށްނު.. ކީވާންއާއި ލޫކް ވެސް މިޙާރު ހަމައަކަށް އެޅިދާނެ” އީތަން ބުނެލިއެވެ. އެންމެފަހުން ޒައްޔާން ބޯޖަހައިލިއެވެ.
“އޯކޭ.. ރުއާ ހޯދަން މިދަނީ.. އިރާދުކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނަން.. ބަލައިގެން އުޅެއްޗޭ..” އާލިއާގެ ނިތުގައި ބޮސްދެމުން ޒައްޔާން ވާހަކަދެއްކިއެވެ. އާލިއާ އަވަސް އަވަހަށް ބޯޖަހައިލި އިރު ރުއާނާއާއި މެދު ކަންބޮޑުވެފައިވާ މިންވަރު އެމޫނުން ފެނެއެވެ. އެމްބިއުލޭންސް މަޑުކުރުވާފައި ޒައްޔާން އޭގެން ފައިބައިގެން ދަންދެން އާލިއާ ބަލަހައްޓައިގެން އިނެވެ.
***
ބިލާލް އަދި އޭނާގެ ބައިވެރިން އެކުއެކީގައި ލޯމަތިން ގެއްލުނު ފަހު އެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އުވައިތް އާއި ބައިވެރިން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވިއެވެ. ނަމަވެސް އެއްވެސް މީހަކު ހިތްވަރު އެލުވާލާކަށް ބޭނުމެއް ނުވިއެވެ. ހާއްސަ ގޮތެއްގައި ލިއަމްއަށް ވެގެން ދިޔަގޮތުން އެމީހުންގެ ހިތްވަރު ވަކިން އާވެފައިވާ ހެން ހީވެއެވެ.
ޖަންގަލީގެ މެދެއްހާ ހިސާބުގައި ދެތިން ބައިވެރިއަކާއި އެކު އުވެއިތު މަޑުކޮށްލައިގެން ހުރީ ޒައްޔާންގެ އިންތިޒާރުގައެވެ. މުޅި ހިސާބުގައި ފުން އަނދިރިކަން ފެތުރިފައި ބީ އިރު ޒައްރެއްގެ މިންވަރަށް ވެސް އަލިކަމެއް ނެތެވެ. ނަމަވެސް އެ ޒުވާނުންގެ ދެލޯ އެ އަނދިރިކަމަށް މާ ބޮޑަށް ވެސް ސާފެވެ.
“އުވެއިތް” އުވެއިތް ފަސް އެނބުރިލީ ބަރު އަޑެއް އިވިފައެވެ. ފަހަތުގައި ތިބީ އިތުރު ދެޒުވާނުންނެވެ. ބިޔަ ވަރުގަދަ ހަށިތަކެވެ. މޫނުމަތިން ހަރުކުލަ ޖަހައެވެ. ލާފައިވާ ކަޅު އަންނައުނުން އެމީހުން އިތުރަށް ސިއްރުވެރިކުރުވައެވެ. ބަލައިލާ އެންމެ ނަޒަރަކުން ވެސް ހިތްތަކަށް ސިހުން ގެނުވާނެކަން ގައިމެވެ.
“ރަޒަލް .. އައްމާރް” އެކުވެރިން ފެނުމުން އުވެއިތު އަށް ގޮވާލެވުނެވެ. އެމީހުންގެ މޫނުމަތިން ފެނުނު ކުށްވެރިކަމުގެ އަސަރުތެކެވެ. އުވެއިތްއަށް އެއްޗެއް ނުބުނެވެނީސް އައިސް މަޑުކޮށްލީ ޒައްޔާންއެވެ. އެއާއި އެކު ތިންމީހުންނަށް އިސްޖަހައިލެވުނެވެ.
“ނޫނޭ.. ނޫނޭ.. އެއްވެސް މީހަކު ކުށްވެރިވެފަ ނުތިބޭ.. އެއި އެއްވެސް މީހެއްގެ ފަރުވާ ކުޑަކަމަކުން ހިނގާދިޔަ ކަމެއްނޫން… ތަގްދީރް މީ.. ލިއަމްއަށް ފަރުވާ ކުރެވެމުން ދަނީ.. އެންމެން އެކު އެކީގައި އަލުން މަސައްކަތް ފަށަން ހިނގާ” ކިތަންމެ މާޔޫސްވެފައި ހުރި ނަމަވެސް ޒައްޔާން ބެލީ އެހެން މީހުންގެ ހިތްވަރު އައުކޮށްދެވޭތޯއެވެ. ޒައްޔާން އަތް ދިއްކޮށްލުމުން ތިން މީހުން އޭނާގެ އަތްމަތީގައި އަތްބާއްވާލިއެވެ. ކުރިން ފެނުނު އަސަރުތައް ފިލާ އެމީހުންގެ މޫނުތައް ކޮންމެވެސް ވަރަކަށް އަލިވެގެން ދިޔައެވެ.
“ކޮބާ ޕްލޭން އަކީ؟” އައްމާރު އަހާލިއެވެ. ޒައްޔާން ވަކި އެއްޗެއް ނުބުނެ އިޝާރާތް ކޮށްލީ މައްޗަށެވެ. އެ އިޝާރާތް ނަގައި ގަނެވި ތިންމީހުން ތައްޔާރުވެލިއެވެ. އަދި އެތަނުގައި ތިބި އަޅުންގެ މަދު ބަޔަކަށް ވެސް އިޝާރާތް ކޮށްލިއެވެ.
ދިގު ވަރަ ނެރެލަމުން ޒައްޔާން އުނދިހިގަތް އިރު ކަރުގެ ވަށައިގެން ކަޅުކުލައިގެ ނާރުތަކެއް ދުވެލަ ދުވެލަ ހުއްޓެވެ. އަޅިކުލައިގެ ކަޅިއަށް ކްރިމްސަން ކުލަ ވެރިވެ ގަތެވެ. ވައިގެ ތެރެއަށް އަރައިގަތް ގޮސް ފަޒާގެ ތެރޭގައި އުދުހެމުން ދިޔައެވެ. އޭނާގެ ފަހަތުން އެހެންމީހުންވެސް އައެވެ. އާދައިގެ އިންސާނެއްގެ ލޮލަށްނަމަ އެމަންޒަރު ސިފަވެގެންދާނީ ވިދާލާ ވިދުވަރެއްގެ ސިފައިގައެވެ.
އެތައް މޭލަކަށް އުދުހެވުނު އިރު ވިލާގަނޑާއި ހަމައަށް އާދެވުނެވެ. އެހިސާބުގައި އުފެދިފައި ހުންނަ ދަމާ ބާރުން އެތެރެއަށް ދަމައިގަތް އިރު ނުކުމެވުނީ ޖަންގައްޔެއްގެ އައްސޭރި ފަށާއި ހިސާބަށެވެ. އެހިސާބުން ފެށިގެން ކުޑަތަންކޮޅަކަށް އުދުހިލެވުނު އިރު ފެންނަން ހުރީ، އަނދިރި ރިހި ކުލައެއްގެ ބިޔަ ގަނޑުވަރެކެވެ. ފަހަތައް ދަމާލާފައި ބައި ބޮޑުކަމުން އެތަނުގެ ބޮޑުމިން އަންދާޒާ ކޮށްލަން ވެސް ދައްޗެވެ. އެތައް ހާސް ދޮރުވާނުނެއް ފޯރިމަރަން ތިބި އިރު އެމީހުން ފެނުމާއި އެކު، އަދަބުވެރިކަމާއި އެކު ގަނޑުވަރުގެ ބިޔަގަގޭޓު ހުޅުވާލަ ދިނެވެ.
އަމިއްލަ ގޭގައި ފައިތިލި ޖެހުމާއި އެކު އާންމު ގޮތެއްގައި ލިބޭ ހިތްހަމަ ޖެހުން މިއަދަކު ޒައްޔާންއަކަށް އިޙްސާސެއް ނުކުރެނެވެ. ޖަވާބު ދާރީވާން ޖެހޭ ބަޔަކު އޭނާގެ އިންތިޒާރުގައި ތިބިކަން ހަނދާން ވުމާއި އެކު ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އެކުވެރިން ގާތު މަޑުކޮށްލުމަށް އެދި ޒައްޔާން އެތރެއަށް ވަންނަން ދިޔައެވެ.
ތަންކޮޅަކަށް ހިނގައިލި އިރު އިންތިޒާރުގައި ހުރީ ފިރިހެނެކެވެ. ތިރީހުގެ ފަހަރުތައް ގުނަމުން ޒުވާނާގެ ހަށިގަނޑުން ބިޔައެވެ. ދިގު އިސްތަށިގަނޑު ހުޅިއެއް ހަދާލާފައި ހުރިއިރު މޫނުގެ ބޮޑުބައެއް ފޮރުވޭހެން އަޅުވާލަފައި ފޮތިގަނޑު ހިއްލާލިއެވެ. ހުރަހެއް ނެތި އެ މޫނުމަތިން ފެނިގެންދަނީ މާޔޫސްކަމެވެ.
ޒަބީގް ފެނުމާއި އެކު ޒައްޔާންއަށް އިސްޖެހުނެވެ. އެކަން ވިސްނިގެން ޒަބީގް ފުރަތަމަ ވެސް ޒައްޔާންގެ ގައިގާ ބައްދާލިއެވެ.
“އެންމެ ފަހުން ރުއާ ގެންގޮސްފި…މާފްކުރޭ ބޭބޭ” ފުރަތަމަ ވެސް ޒައްޔާންގެ އަނގައިން ނުކުތެވެ. އަޑު ނީއްވި ނަމަވެސް އޭނާގެ ދެލޮލުން އައިސް އައިސްހުރި ކަރުނުތައް ޒަބީގްގެ ކޮނޑު ތެމެން ފެށިއެވެ. އެހުރިހާ އިރު ކުރަމުން އައި ހިތްވަރު ނެތުނީއެވެ. އެހެން އޮވެ ވެސް ޒަބީގް ދެއަރިއަށް ބޯހޫރުވާލިއެވެ. އަދި ހިތްވަރު ދިނުމުގެ ގޮތުން ޒައްޔާންގެ އުނަގަނޑުގައި ފިރުމާލިއެވެ.
“ނޫނޭ ކޮއްކޯ.. އަހަރެމެން އެންމެން ވެސް ވަރަށް މަސައްކަތް ކުރީމެންނު.. އިރާދުކުރެއްވީޔާ ރުއާ ފެންނާނެ.. ދެން ރުއާ ފެނުނީމަ ގެންނާނީ މިގެއަށް، އަމިއްލަ އާއިލާގެ ގާތައް… ދުވަހަކުވެސް ދުލެއް ނުކޮށްލާނަން.. ” ޒަބީގްގެ ޖުމްލަތައް ނުކުތީ ހިތުގެ އަޑިންނެވެ. ދެލޮލުގެ ހަނިއަރިން ނިރާލި ކަރުނުތިކި ބޮޑުވާ އިނގިލިން ފުހެލިއެވެ. ލޯބިވާ ދައްތަ ހޫރައިންގެ އަމާނާތައް ފަރުވާ ކުޑަކުރެވުނު ކަމުގެ އިޙްސާސް ހިތުގެ އަޑީގައި ވިއެވެ. ނަމަވެސް ބެލީ ޒައްޔާންގެ މާޔޫސްކަން ފިލުވާދެވޭތޯއެވެ. ޒައްޔާން ދުރުވެލަމުން ދެލޯ ފުހެލިގޮތުން ހިތައް ނުހަނު އުނދަގޫވިއެވެ.
“އަޒްލާން ވެއްޖެ އެހެން އެންމެންނާއި އެއްކޮން ގޮސް..އަހަންނަށް އަންނަން ޖެހުނީ.. ބައްޕަ އަށް ރުއާގެ ހަބަރު ލިބިގެން ވަރަށް ސަކަރާތް ވެއްޖެ”
“އޭންން! ކާފަ އަށް ކިހިނެތް ވީ؟” ޒަބީގް އެންމެ ފަހުން ބުނެލި ޖުމްލަ އަހާފައި ޒައްޔާންއަށް ތެޅިގަނެވުނެވެ. އަވަސް އަރުވާލާފައި އެތެރެއަށް ވަންނަން އުޅުނު ހިނދު ޒަބީގް އޭނާ ހިފެހެއްޓިއެވެ.
“ނޫން.. މިވަގުތަކު ނޫން .. ބައްޕަ އަނބުރައިގަތީ.. ޑޮކްޓަރަކު ގެނެސް ބަލާފަ މިހާރު ރަނގަޅު.. ނިދިފަ އޮތީ.. އަހަރެމެން އެކަކު ވެސް އެ ހަބަރު ނުދޭންވެގެން ތިއްބަ، ޒީވާ ދައްތައާއި ލިއަމްގެ ހަބަރު، އަލާނިއަލް ބޭބޭ، ބައްޕައަށް ދިނީ.. އެމީހުންނަކަށް ނޭނގޭނެ ބައްޕައަށް ނޭނގޭ ކަމެއް.. އަނެއްކޮޅުން މިހާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި މިހާ ބައިވަރު ކަންތައް ހިނގާދިއީމަ އެންމެން ވެސް ތިބޭނީ އެހެން ކަހަލަ ހާލަތެއްގަ” ޒަބީގް ވާހަކަދެއްކިއެވެ. ޒައްޔާން ބޯޖަހައިލި އިރު އެކަމާއި ވިސްނުނެވެ.
“ކާފަ ހޭލީމަ ހަބަރެއް ވެލާތި.. މާމަ ކޮބާ؟”
“އެބައުޅޭ .. ހީކުރި ވަރަށް ވުރެން މާމަ ހިތްވަރުގަދަ.. ހިނގާ ދަމާ އަހަރެމެން ވެސް” ޒަބީގްގެ ޖަވާބުން ޒައްޔާންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“ބޭބެ އެބަ ވިސްނަން އާލްވެސް މިކޮޅަށް ގެންނަން.. އެނގޭ ބޭބެއަށް ވުރެން އާލްގެ މައްޗަށް ބަސް ކިޔަން ޒައްޔާން ކަން ރަނގަޅުވާނީ…އެކަމަކު އެތާގަ ދެން އާލް ވެސް ބަހައްޓާކަށް ބޭބެއަކަށް ނުފެނޭ”
“ތިކަމާއި އެބަ ވިސްނަން..އެގެއިން އާލްއަށް އެބައޮތް ރައްކާތެރިކަން، ދެން އާލް އެކޮޅުން ކުއްޖަކާއި ގުޅިގެން އުޅޭތީ އެކަމާއި ވިސްނެނީ.. ދެން ރަނގަޅު ވަގުތަކުން އެވާހަކަ ދައްކާލާނީ” ކީވާންއާއި އާލިއާގެ ގުޅުމުގެ ވާހަކަ އާލިއާ ހިއްސާ ކޮށްފައިވާތީ އެވާހަކަ ޒަބީގްއަށް ޒައްޔާން ބުނެދިނެވެ. އުވެއިތު އަންނަތަން ފެނިގެން އެވާހަކަ އިތުރަށް ދެއްކޭ ގޮތެއް ނުވިއެވެ.
***
ލަސްލަހުން ދެލޯ ހުޅުވެމުން ދިޔައިރު މުޅިތަން ޒީވާގެ ދެލޮލަށް ފެންނަމުން ދިޔައީ ފުސްގޮތަކަށެވެ. އެނދު ވަށައިގެން ތިބި މީހުންގެ މޫނުތައްވެސް ސިފަވެގެން ދިޔައީ ފުސްގަނޑެއް ސިފައިގައެވެ. ބޮލާއި ހަށިގަނޑުގެ އެތަން މިތާގައި އަޅާ ވޭން ވެސް އިޙްސާސް ކުރެވުނީ އެހިނދުއެވެ. އަނގަ ހުޅުވާލަން އުޅުނު ނަމަވެސް ހަށިގަނޑުގައި އަޅާ ވޭނުން އަޑު ބޭރު ވާގޮތެއް ނުވިއެވެ. ޒީވާއަށް ދެތުންފަތް ފިއްތާލައި ލޯ ތަގުޅިކޮށްލެވުނެވެ.
އެފަދަ ހާލަތެއްގައި އޮތްވާ ޔަޒަކުގެ އަތް އިހްސާސްވެގެން ދިޔައެވެ. ކިތަންމެ އަހަރެއް ލޯބިވާ އެންމެންނާއި ދުރުގައި ވޭތުކުރަން ޖެހުނު ނަމަވެސް ގާތް މީހުންގެ އިހްސާސް ޒީވާއަށް ނަގައިގަނެވެމުން ދިޔައެވެ. މީހެއްގެ މޫނެއް ވަކި ނުވި ނަމަވެސް ގާތުގައި ޔަޒަކްގެ އިތުރުން ލަވާލްއާއި ޔާސިރް އަދި ޔޫމީން ތިބިކަން އިޙްސާސްވިއެވެ. މޭގައި އުތުރު އަރައިގަތް ޖަޒުބާތު ސަބަބުން ދެލޮލަށް ބޮނޑިވެގަތް ކަރުނުތައް ކޯތާފަތުން ތިރިއަށް ފިރުކިގަތެވެ. އެހިނދު ލަވާލްގެ އަތްތިލަ ޒީވާގެ ކޯތާފަތުގައި ޖައްސާލަމުން އެ ކަރުނަތިކިތައް ނުހަނު ލޯބިން ފުހެލަދިނެވެ. ވަކިން ބޮޑަށް ޒީވާގެ ހިތުގައި ޖެހޭ ގޮތްވިއެވެ.
ޒީވާގެ ލުއި ހަރަކާތް އެންމެ ފުރަތަމަ ނަގައިގަނެވުނީ ލަވާލްއަށެވެ.
“ދަރިފުޅާ.. ދަރިފުޅާ.. ކޮއްކޮ އަތް ތަޅުވާލައިފި” ލަވާލްގެ ދެލޮލުގައި ބަބުޅަން ފެށީ އުފާވެރިކަމުގެ ކަރުނައެވެ. ހޮސްޕިޓަލްއަށް ގެނައި ފަހުން ހޭނާރާ އޮވެފައި ޒީވާ ހޭއެރީ ބާރަގަޑިއިރާއި ގާތްވެފައި ވަނިކޮންނެވެ.
ލަވާލްގެ އަޑަށް ޔަޒަކްގެ ސަމާލްކަން ވެސް އެކަމަށް އައިސްފިއެވެ. ލަސްލަހުން ޒީވާގެ ދެލޯ ހުޅުވުނުތަން ފެނި ލޮލުން ކަރުނު އަންނަމުން ދިޔަހާލުގައި ވެސް ހީލެވުނެވެ.
“ޒިވީ..އަޑު އިވޭތަ؟” ޔަޒަކްގެ އަޑު ނުކުތީ ކުރެހިގެންނެވެ. ލަސްލަހުން ޒީވާ ބޯހޫރުވާލިތަން ފެނި ހިތައް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. ޒީވާގެ ހާލަތު އިތުރަށް ބެލިއެވެ. އިތުރު މައްސަލައެއް ފެންނަން ނެތުމުން ދޫ ކޮށްލެވުނީ ހިތްހަމަ ޖެހުމުގެ ނޭވާއެކެވެ.
“ނަގާ.. ދީ” ޒީވާގެ ދެތުންފަތް ދޭތެރެއިން ފަނޑު ގޮތަކަށް އަޑު ނުކުތެވެ. ޔަޒަކު އަވަސް އަވަހަށް ބޯޖަހައިލިއެވެ. ޒީވާގެ އުނަގަނޑު ދޮށަށް އަތް ލައްވާލަދީފައި ރަނގަޅަށް ހަމަޖައްސާލިނެވެ. ދެލޯ ފުހަލަމުން ފަހަތައް އެނބުރިލީ ލަވާލްއާއި ޔާސިރްއަށް ތަން ދިނުމުގެ ބޭނުމުގައެވެ.
“ދަރިފުޅާ …” ޒީވާގެ ގައިގާ ދެފަރާތުން ބައްދާލި އިރު ޔާސިރް އާއި ލަވާލްގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެމީހުންގެ ފަހަތުން ޔަޒަކުއާއި ޔޫމީން ވެސް ބައްދާލިއެވެ. އެތައް އަހަރެއް ފަހުން އެ ލޯތަކުން މިއަދު ފައިބަމުން ދަނީ އުފާވެރިކަމުގެ ކަރުނައެވެ. އަމިއްލަ ދަރިފުޅަށް ލިބިފައިވާ އަނިޔާތަކުން ހިތުގައި ވޭން އެޅި ނަމަވެސް، އެ ދަރިފުޅު ފުރާނަ ހުއްޓާ އެމީހުންނާއި ހިސާބަށް އައުމުން ލަވާލްއާއި ޔާސިރްއަށް ލިބިފައިވާ ހިތްހަމަ ޖެހުން ބޮޑެވެ. ނަމަވެސް އެ ހަމަޖެހުން އެގޮތުގައި އޮންނާނީ އެ ކޮޓަރީގެ ތެރެއިން ބޭރަށް ނިކުމެވުމާއި ހަމައަށް ކަން އެންމެންނަށް ވެސް އެނގޭ ކަހަލައެވެ. ޒީވާއަށް ލިއަމްގެ ހާލަތު ބުނެދޭން ބޭނުންވި ނަމަވެސް އެހިތްވަރު އެކެއްގެ ކިބައިގާ ވެސް ހުރި ހެނެއް ހިއެއް ނުވެއެވެ. އަނެއްކޮޅުން އިޒްވާއެވެ.
ދޮރު ހުޅުވުނު އަޑުއަހާފައި އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ވަދެގެން އައީ އާލިއާއެވެ. ކޮންމެވެސް ވަރަކަށް އޭނާގެ ހާލަތު ރަނގަޅު ކަމަށް ދެއްކުމުން ޒީވާ ނޫން އެހެން މީހުންނަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާއެކެވެ. ޒީވާ އިނީ ބީރައްޓެހި ނަޒަރަކުން ބަލަހައްޓައިގެންނެވެ.
“އާލް.. ދަރިފުޅާ، ކޮބާ އިޒީ؟ ހޭ އަރައިފިތަ؟” ދެލޯ ފުހެލަމުން ޔޫމީން އަހާލިއެވެ. އާލިއާ ނުތަނަވަސް ވެފައި ހުރެ ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. އަދި ވިސްނާލެވުނެވެ. އޭނާ ދޭން އައީ އުފާވެރި ހަބަރެއް ނޫނެވެ. މާ ބޮޑަށް ކަންކަން ނޭނގުނު ނަމަވެސް އެނދުގައި އޮތީ ލިއަމްގެ މަންމަކަން އޭނާއަށް އެނގެއެވެ. އެ ހަބަރު ދީފި ނަމަ އަދި ވަކިން ބޮޑަށް ލިއަމްގެ މަންމަގެ ހާލަތުގެ ގޯސްވެދާނެއެވެ. ނަމަވެސް އޭނާ އެތަނަށް ވަނީ ވެސް ހަދާނެ ގޮތެއް ނޭނގިގެންނެވެ. ބޭރުގައި ތިބީ އީތަންއާއި ކީވާން އެވެ. އަދްރެކް އާއި ޔީލާ ވެސް ވީ ކައިވަންއާއި އެކު އޮޕަރޭޝަން ތީއޭޓަރުގެ ތެރޭގައެވެ. ބޭރުގައި ތިބި މީހުންގެ ހާލަތު ގޯސް ކަމުން އެތަނަށް އައިސް ވާހަކަ ދައްކަން އާލިއާ މަޖުބޫރުވިއެވެ. ކީވާން ވެސް އިނީ އަނގައިން ބުނެވޭ ފަދަ ހާލަތެއްގަ ނޫނެވެ.
“އިޒީ ރަނގަޅު.. މްމް.. އިޓްސް އެބައު ލި..އަމް..ބެ” ލަސްލަހުން ލިއަމްގެ ނަން ބުނެވުނު އިރު އޭނާގެ އަޑު ޒާތަކަށް ތުރުތުރު ވެސް އެޅިއެވެ. ޒީވާއަށް އިވިދާނެތީ ވާހަކަ ދެއްކީ ވެސް ފުދޭވަރަކަށް މަޑުންނެވެ.
“ކިހިނެތް ވީ؟” ޔަޒަކްއަށް ސިހިފައި އެހުނެވެ.
އާލިއާއަށް ޖަވާބު ނުދެވިފައި ހުއްޓާ ޔޫމީން އަތުގައި ހިފައިގެން ބޭރަށް ނެރުނެވެ. އާލިއާ ދޭން އައީ ރަނގަޅު ހަބަރެއް ނޫންކަން ޔޫމީންގެ ހަވަނަ ހިއްސު ދެނެގަތީއެވެ. އެހަބަރުން ޒީވާއަށް ކޮންމެފަދަ ގޮތެއް ވެސް ވެދާނެކަން ވިސްނުނެވެ. އޭނާގެ ފަހަތުން ޔަޒަކު ވެސް ނުކުތެވެ.
“ލިއަމްބެ ކާޑިއެކް އެރެސްޓަކަށް ދިޔައީ .. ވިހަ ބޮޑީގެ އެއިޓީ ޕަސެންޓްއަށް ސްޕްރެޑް ވެފަ ވެންޓިލޭޓާރ ގަ ފަރުވާ ދެނީ”
އާލިއާގެ ޖަވާބުން ޔޫމީންއަށް ރޮވިއްޖެއެވެ. ޔަޒަކް ލަސްނުކޮށް ދިޔައީ ލިއަމް ވެއްދި ތީއޭޓަރަށެވެ. ޔޫމީންގެ އަތުގައި ހިފައިގެން އާލިއާ ވެސް ލިފްޓާއި ދިމާލަށް ދިޔައިރު ދެލޮލުން ފައިބަމުން ދިޔަ ކަރުނުތައް އަތުގެ ނުފުށުން ފުހެލަމުން ދިޔައެވެ. އެހެން މީހުން ހޯދަން އާލިއާ ދިޔައީ ނުހަނު ގަދަ ހިތްވަރަކާއި އެކު ކަރުނަތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އީންއާއި މިލާންއަށް ވެސް ދެވުނީ އެމީހުންނާއި އެކު ހެންނެވެ.
ތީއޭޓަރު ބޭރުގައި ލިއަމްގެ ހަށިފާރަވެރި ތިބި އިރު، އާއިލާ އެއްވެސް މީހަކަށް އެތެރެއަށް ވަނުމުގެ ހުއްދައެއް ނެތެވެ. ކީވާން ގޮނޑީގައި އިން އިރު މޫނާއި ދެލޯ ވަނީ ރުއިމުގެ ސަބަބުން ދުޅަ ވެފައެވެ. ގާތުގައި އީތަން އިނީ އިޒްވާ ގަޔާލާ ބޮނޑިކޮށްލައިގެންނެވެ. މުޅި ހިސާބުގައި ހިފާލާފައިވަނީ އިޒްވާގެ ވޭނީ ރުއިމުގެ އަޑެވެ. ނޫހް ވެސް އައިސް ހުރިއިރު އޭނާގެ މޫނުމަތިން ވެސް މިއަދު ފެންނަނީ ދެރަވެފައި ހުރިކަމުގެ އަސަރުތަކެވެ.
“ކީކޭ ބުނީ؟”
ޔަޒަކް އަހާލުމާއި އެކު އީތަން ދިނީ އެ ޖަވާބެވެ. ގޮނޑިއަކަށް ތިރިވެވުނު އިރު ޔޫމީންއަށް ހުއްޓުމެއް ނެތި ރޮވެމުން ދިޔައެވެ.
“ކޮބާ ބައްޕަ؟” ޔަޒަކް ދެން އަހައިލީ ނޫހް ކުރެންނެވެ.
“ލޫތް އާއި ލޫކްއާއި އެކު އެކޮޅަށް ގޮސްވީ..” ނޫހްގެ ޖަވާބު އަހާފައި ޔަޒަކް ބޯޖަހައިލިއެވެ. ދެން އޭނާ ގޮސް މަޑުކޮށްލީ އިޒްވާ ގެ ގާތުގައެވެ. އަދިވެސް ކައިވެނީގެ ހެދުމުގައި އިން އިރު ހެދުމުގެ އެތަން މިތަނުގައި ކިލަޔާއި ލޭގެ އަސަރު ހޭކިފައި ހުއްޓެވެ. އެމަންޒަރު ފެނުނު އިރު ތުންފަތުގައި ދަތް އަޅުވާލެވުނެވެ. ޒީވާގެ ހަބަރު އިޒްވާއަށް އަދި ލިބިފައި ނުވާކަން އެނގުމުން އީތަންއަށް ޔަޒަކް އިޝާރާތް ކޮށްލީ އެކަން ހަނދާންކޮށްދީފައެވެ.
ޔަޒަކްގެ އިޝާރާތް ނަގައިގަނެވުމުން އީތަން ވެސް ބޯޖަހައިލިއެވެ. އިޒްވާ ގަޔާއި ދުރުކޮށްލަމުން އަތުގައި އޮތް ޓިޝޫއިން ދެލޯ ފުހެލަ ދޭން ފެށިއެވެ. “އިޒީ ހިނގާބަ އަހަންނާއި އެކު”
“ނޫން .. ނޫން ދޮންބެ ބާއްވާފަ ނުދާނަން” އިޒްވާ ވަގުތުން ދެކޮޅު ހެދިއެވެ. ރޮވޭވަރުން އަޑުވެސް އައީ ތުރުތުރެއްގެ ތެރެއިންނެވެ. އިޒްވާގެ ހާލަތު ފެނި ހިތްވަރުކޮށްލާފައި ޔޫމީން ވެސް ރުއިން ހުއްޓޭތޯ ބެލިއެވެ. ގާތައް އައިސް އިށީންދެލިއެވެ.
“ނޫނޭ.. ދޫނި ދޭބަލަ އީތަން އާއި އެކު.. އިރާދުކުރެއްވިއްޔާ ދޮންބެ ރަނގަޅުވާނެ.. ޒެކް ދޮންބެ ވެސް ވަންނާނެ އެތެރެއަށް ވަދެވޭ ވަރުވީމަ.. އަދި ފެމެލީ އަކަށް ބައްދަލް ނުކުރެވޭނެ” ޔޫމީން ބެލީ އިޒްވާއަށް ހިތްވަރުގެ ބަހެއް ދެވޭތޯއެވެ. އެންމެ ފަހުން ހިތާއި ދެކޮޅަށް އިޒްވާ ތެދުވެލިއެވެ. އީތަންގެ ފަހަތުން ދިޔައެވެ.
“ދައްތާ، އެބަ އަންނަން އިޒީއަށް ހެދުމެއް ހިފައިގެން .. އަދިވެސް ދެމީހުން އެއުޅެނީ ވެޑިންގް ޑްރެސްގަ …ހުސް ލޭ އޭގަ” އިޒްވާ ދިޔަ ދިމާލަށް ބަލަން އިނދެ އާލިއާ ބުނެލިއެވެ.
“ދަރިފުޅު އެކަނިތަ ދަނީ؟” އާލިއާ ބޯޖަހައިލިއެވެ. އޭނާ އަށް ބަލައިލެވުނީ ދުރުގައި އިން ކީވާންއާއި ދިމާލެވެ. ކީވާން އިންގޮތުން އެކުގައި ދެވޭނެހެން ހިއެއް ނުވެއެވެ.
“ނޫނޭ.. އެކަނި ނުދާތި.. މަޑުކޮށްލަ ކީވާން ކައިރީގަ އެބަ ބުނަން”
ޔޫމީން ތެދުވެ ގޮސް ކީވާން ގާތައް ދިޔައެވެ. އޭނާ ބުނި އެއްޗެއް ބުނިހިނދު ކީވާން ބޯޖަހާލާފައި ތެދުވެގެން އާލިއާގެ ގާތައް އައެވެ. އާލިއާގެ މޫނަށް ކީވާން ބަލައިލި ހިނދު އެދޮލުގައި ބޮނޑިވެފައިވީ ކަރުނަތައް އަދިވެސް ވާތަން ފެނުނެވެ. ހިތައް އުނދަގޫވިއެވެ. ހޮސްޕިޓަލް ދޮރުން ނުކުމެވުނު ހިނދު ކީވާން އެހުރިހާ އިރު ހިފަހައްޓާއިގެން ހުއްޓަ ވެސް ރޮވިއްޖެއެވެ. އެ މަންޒަރު ފެނުމުން އަތުގައި ހިފާލަމުން އާލިއާ ވަނީ ވެއިޓިންގް އޭރިއާއަށެވެ. ވަގުތުގެ ގޮތުން އިތުރު މީހަކު ނެތެވެ. އެއީ ވެސް ލެއްވި ނަސީބެކޭ އާލިޔާގެ ހިތައް ހިތައްއެރިއެވެ. ކީވާންގެ ގައިގާ ބައްދާލި ހިނދު، އާލިއާގެ ކޮނޑު އެ ކަރުނުތަކުން ތެމެން ފެށިއެވެ. އަޑު ނީއްވި ނަމަވެސް އޭނާއަށް ވެސް ރޮވުނެވެ. ކީވާން ހަމައަކަށް އެޅިލަންދެން އުނަގަނޑުގައި ފިރުމާލަ ފިރުމާލަ ހުއްޓެވެ.
***
އެނދުގައި އިން ޒީވާ ފެނި އިޒްވާގެ މުޅި މޫނު ދިޔައީ ހުދުވެގެންނެވެ. މުޅި ތަންގަނޑު ހީވީ އެނބުރިގެން ދިޔަ ހެންނެވެ. އަރި އަޅާލަން ދިޔަ ހިނދު އީތަން ހުށިޔާރު ކަމާއި އެކު ހިފެހެއްޓިއެވެ.
ގާތުގައި ތިބެފައި ލަވާލްއާއި ޔާސިރް ވެސް އެއް ކައިރިއަކަށް ޖެހިލީ އިޒްވާއަށް ފުރުސަތު ދިނުމަށެވެ. އޭރު ލޯބިވާ އަންހެން ދަރިފުޅު އެތައް އަހަރަކަށް ފަހު ފެނުމާއި އެކު، ޖަޒުބާތިވީ ވަރުން ޒީވާ ރޮވިއްޖެއެވެ. އެންމެ ފަހުން އިޒްވާ ފެނުނީ އެންމެ އަތް އަހަރުގައެވެ. މިއަދު ފުރާފުރިހަމަ ވެފައިވާ އެ ދަރިފުޅު ކައިވެނީގެ ހެދުމުގައި ހުއްޓާ ފެނުމުން ހިތައް ވަރަށް އަސަރު ކުރިއެވެ.
ޒީވާގެ ރުއިމުގެ އަޑު މުޅި ކޮޓަރީގައި ހަރުލައިގެން ދިޔަހިނދު އިޒްވާގެ ދެފަޔަށް ބާރު ލިބިއްޖެއެވެ. ކިތަންމެ ގިނަ ދުވަހެއް ވެގެން ދިޔަ ނަމަވެސް ބަނޑު އަޅާ ވިހޭ މައިމީހާގެ ސޫރަ ހަނދާން ނެތޭނީ ކިހިނަކުން ހެއްޔެވެ.ރޮމުން ރޮމުން ދުއްވައިގަތް ހިނދު ޒީވާ ވެސް އެނދުން ތެދުވެއްޖެއެވެ. ޒީވާގެ އަތުގެ ތެރޭގައި ބޮނޑިވެގަނެ ވުނު ހިނދު އިޒްވާގެ ރުއިން ބާރުވިއެވެ.
“މަ..ން..މާ” އިޒްވާގެ ދެތުންފަތް ފޫ އަޅުވާލާފައި ނުކުތެވެ. ޒީވާ ކުރިއަށް ވުރެން ބޮޑަށް އިޒްވާ ބޮނޑިކޮށްލިއެވެ. ދުރުވެލުމަށްފަހު އިޒްވާގެމޫނުގައި ބޮސްދިނެވެ. ތުރުތުރު އަޅަމުން ދިޔަ ދެއަތުން އިޒްވާގެ މުޅި މޫނުގައި ފިރުމަމުން ދިޔައިރު ދެލޮލުން މެދު ނުކެނޑި ކަރުނަތައް ފައިބަމުން ދެއެވެ.
“މަންމަގެ ދަރިފުޅު.. މަންމަގެ ކުޑަ ކުޑަ އިޒީ.. މަންމަގެ ފުރާ..ނަ” އިޒްވާގެ ނިތުގައި ނިތް ޖައްސާލި އިރު ޒީވާއަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ.
“އައި މިސް ޔޫ” އިޒްވާގެ އަނގައިން ނުކުތް ތިން ލަފްޒު ވެސް ބޭރުވީ ނުހަނު ހިތްވަރުންނެވެ.

**
އޮޕަރޭޝަން ތިއޭޓަރުގެ ދޮރުމަތީގައި އަތުރާލެވިފައިވާ ގޮނޑިތަކުން ހުސްތަންކޮޅެއް ނެތެވެ. މުޅި އާއިލާއާއި ގާތް އެކުވެރިން އެތަނަށް ޖަމާވެފައި ވީއިރު ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޑޮކްޓަރުންގެ ފަރާތުން ލިބޭނެ އުއްމިދީ ޖަވާބެއްގެ އިންތިޒާރުގައެވެ. އޭރުވެސް އަލާނިޔަލް އާއި ލޫތް އަދި ލޫކް ނެތެވެ. އޭރުވެސް އަލާނިޔަލް އާއި ލޫތްގެ އިތުރުން ލޫކްގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެމީހުންގެ ހިލަމެއް ވޭތޯ ބަލަން ޔަޒަކް ނުކުތް އިރު، ފަހަތުން ނޫހް ވެސް ދިޔައެވެ.
ލަވާލްއާއި ޔޫމީންގެ މެދުގައި ޒީވާ ވެސް އިނެވެ. ދެލޮލުން ހިނދުކޮޅަކަށް ވެސް ކަރުނަ ނުހިކެއެވެ. އަރާމް ކުރަން އެންމެން އެދުނު ނަމަވެސް ލޯބިވާ ފިރިހެން ދަރިފުޅު މަރާ ހަނގުރާމަ ކުރަމުން ދިޔަ ދަނޑިވަޅެއްގައި، ހަމަޖެހިގެން އޭނާ އޮންނާނީ ކިހިނެތް ހެއްޔެވެ. ގާތުގައި އައި ވީ ސްޓޭންޑް ހުރިއިރު ލަސްލަހުން އައިވީގެ ތިކިތައް، އަތައް ގުޅާފައިފާ ކެނިއުލާރ ގެ ޒަރީއާއިން ދަތުރުކުރަމުން ދިޔައެވެ. އަދިވެސް އެއްވެސް ސުވާލެއް ޒީވާ ކުރެން އެކަކު ވެސް ނާހައެވެ. ހާލަތުގެ ނާޒުކު ކަމުން މަޑުކޮށްލައިގެން ތިބީއެވެ.
އާލިޔާ އާއި އެކު އިޒްވާ ވެސް އައީ ލާފައި ހުރި ހެދުން ބަދަލް ކޮށްގެންނެވެ. ތަނުގައި ކިތަންމެ ބައިގިނަ ނަމަވެސް ވެރިވެފައި ވަނީ މަރުފަދަ ހަމަހިމޭން ކަމެކެވެ. އިންތިޒާރުގެ ނިމުން އައެވެ.
ތީއޭޓަރުގެ އެތެރެއިން ޝާއިން ނުކުތް ހިނދު އެންމެންތައް އޭނާ ވަށާލިއެވެ.
“އަލްހަމްދުލިއްލާހް.. ނުރައްކަލުން ބޭރުވެއްޖެ..ހޭ ވެސް އަރައިފި.. އެކަމަކު އިތުރަށް މޮނީޓަރ ކުރަން ބޭނުން ވާތީ އައި.ސީ.ޔޫ އަށް އެގެންދިޔައީ …. ބޮޑީގެ އިތުރު އޭރިއާ އަކަށް ވިހައިގެ އަސަރެއް ނުކުރޭ..” ޝާއިންގެ ކުރު ޖަވާބު ވެސް ވީ އެންމެންގެ ހިތްތަކަށް ލިބުނު ޝިފާއަކަށެވެ. ޒީވާއަށް ބަލައިލުމަށް ހިނިތުން ވުމެއް ރައްދުކޮށްލާފައި އައުމަށް އެދުނެވެ.
އީތަން ދުރުގައި ހުރި ފުރޮޅު ލީ ގޮނޑިއެއް ހިފައިގެން އައިސް ޒީވާގެ ގާތު އިށީނުމަށް ބުނެލިއެވެ. އެއީ އެ ދޮރުން އެތެރެ ވެވުނު ނަމަވެސް ލިއަމް އޮތް ހިސާބަށް ދިޔުމަށް ފުދޭވަރެއްގެ ރާސްތާއެއް ކަޑައްތު ކުރަން ޖެހޭތީއެވެ. ދެލޮލުން ކަރުނަ ފުހެމުން އީތަން ބުނެލިހެން ގޮނޑީގައި އިށީންދެލިއެވެ. އިތުރު އެހެން މީހަކު ވަނުމުގެ ހުއްދައެއް ނުލިބުނެވެ.
ސާއިންގެ ފަހަތުން، ޒީވާ އިން ގޮނޑި ދުއްވަމުން އީތަން ވަދެގެން ދިޔައެވެ. އެކޮޓަރީގެ ދޮރު ހުޅުވުނު ހިނދު ލިއަމް ބޭއްވިފައި އޮތް އެނދުގެ މަގަތުގައި އަދްރެކް އަދި ޔީލާ މަޑުކޮށްލައިގެން ތިއްބެވެ. އެމީހުން ފެނުމުން ދެޒުވާނުން ވެސް ކޮޓަރިން ނުކުތުމަށް ދިޔައެވެ. ޒީވާގެ އަތުގައި ހިފައިގެން ގެންގޮސް އެނދާއި ގާތުގައި ބަހައްޓާލިއެވެ. އިތުރު ގޮނޑިއެއް ގެނެސް ގާތް ކޮށްލަމުން ޝާއިންގެ ފަހަތުން އީތަން ވެސް ނުކުތީ ޒީވާއަށް އެކަނި ވެލާނެ ފުރުސަތެއް ދިނުމަށެވެ.
ބަލިކަށި ހަށިގަނޑަށް ބާރުލަމުން ލަސް ފިޔަވަޅުތަކެއްގައި ޒީވާ ހުއްޓިލީ އެނދުގެ މަގަތުގައެވެ. އެނދުގެ އަރިމަތީގައިވާ ދަގަނޑުގަނޑުގައި ބާރަށް ހިފަހައްޓާލަމުން، ފެންކަޅިވެފައިވާ ދެލޮލުން ލިއަމްގެ މޫނަށް ބަލައިލިއެވެ. ތަފާތު މެޝިންތަކުގެ ހޮޅިތަކާއި ނަރުތައް ލިއަމްގެ ހަށިގަނޑާ ގުޅިފައިވީއިރު، އޭނާ އޮތީ ފުން ނިންޖަކުން ނިދާފައެވެ. މުޅި މޫނާއި ހަށިގަނޑުގައިވީ ހުދުކަން ވަނީ ކޮންމެވެސް ވަރަކަށް ކެނޑެންފަށަފައެވެ. އެހެނަސް އެ މޫނުމަތިން ފެންނަން ހުރި ވަރުބަލިކަމުން، އޭނާ ކުރަމުންދާ ހަނގުރާމައިގެ ބުރަދަން އިހުސާސް ކުރެވެއެވެ.
ލިއަމް އޮތް ހާލަތުން ހިތައް ނުހަނު އަސަރު ކުރަމުންދިޔައެވެ. ނިތައް ފައިބާފައިވާ އިސްތަށިކޮޅު ރަނގަޅުކޮށްލަމުން ނުހަނު ލޯބިން ނިތުގައި ބޮސްދިނެވެ. ލިއަމްއާއި ދުރުވެލަމުން ، އޭނާގެ އިޝާރާތަކައް ބަލަ ބަލާ ތިބި ތިން ޒުވާނުންނަށް އަލުން ގޮވިއެވެ. ދަރިފުޅާއެކު އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވި ނަމަވެސް އެއްވެސް ކަމެއް ލަސްކުރާކަށް ޒީވާ ބޭނުމެއް ނޫނެވެ. މިހާރުވެސް މާ ލަސްވެއްޖެއެވެ. ޒަމާންތަކެއް ފާއިތުވެފައިވީ ނަމަވެސް، ޝާއިން އާއި އަދްރެކް ފެނުމުން ޒީވާއަކަށް އެއީ ކޮންބައެއްކަން އޮޅުމެއް ނުވިއެވެ. ލިއަމްގެ ތުއްތުއިރުގެ އެންމެ ގާތް ދެ އެކުވެރިންނަކީ އެއީ ކަން އޭނާގެ ހަނދާނުގައި ހަރުލާފައި ހުއްޓެވެ. ޒިވާއަވަސްވެގަތީ ހިތުގައި އުފެދިފައިވާ އެތައް ސުވާލްތަކެއް ޖަވާބު ހޯދާށެވެ.
“ދައްތާ، ރަނގަޅުތަ؟” އަދްރެކް އަހާލުމުން ޒީވާ ބޯޖަހައިލިއެވެ.
“ވަރަށް ބައިވަރު ސުވާލް އެބަހުރި .. ކޮންމެވެސް އެއްކުއްޖަކު ކިޔައިދީބަލަ”
ޒީވާގެ ޖުމްލައާއި އެކު ތިންމީހުން އެކަކު އަނެއްކަކުގެ މޫނަށް ބަލައިލިއެވެ. ފަށާނެ ކޮޅެއް ނޭނގެއެވެ. އީތަން އިޝާރަތެއް ކޮށްލުމުން އެކަން އަދްރެކްއަށް ނަގައިގަނެވުނެވެ. އެ ވާހަކަ އެންމެ ރަނގަޅަށް ޒީވާއަށް ކިޔައިދޭން އެނގޭނީ އޭނާއަށެވެ. ޝާއިން ވެސް އިޝާރާތް ކޮށްލިއެވެ. އެންމެފަހުން އަދްރެކް ބޯޖަހައިލިއެވެ.
“އިށީންދެލަން ވީނު ފުރަތަމަ.. އަދި ނުހުންނާނެ ކޮޅަށް އެހާ ގިނައިރު ހުންނާނެ ހަކަތައެއް ވެސް” އީތަން ގޮނޑި ކައިރިކޮށްލަ ދިނުމުން ޒީވާ ހީލާފައި ބޯޖަހައިލިއެވެ.
****
ދެދުވަހުގެ އިރު އޮއްސި، ދުނިޔެމަތި ބަދަލުވެގެން ދިޔައިރުވެސް، ބިލާލްއާއި އޭނާގެ ނުބައި ލަޝްކަރުގެ އެއްވެސް ހިލަމެއް، އަދި ހަބަރެއް ވެސް ނުވިއެވެ. ލިއަމްއަށް ހަމަލާ ދިނުމަށްފަހު ބިލާލްއަށް މާ ދުރަށް ނުދެވެނީސް އުވެއިތް އާއި ބައިވެރިން ދިޔައެވެ. އާރާއި ބާރުގެ ގޮތުން ބަލާއިރު، ބިލާލްގެ މުޅި ލަޝްކަރާ އެކަނި ކުރިމަތިލެވޭ ފަދަ ހިތްވަރުގަދަ ފަހުލަވާނުން ޒައްޔާން އާއި ލިއަމްގެ އާއިލާގެ ލަޝްކަރުގައި ތިބި ނަމަވެސް، މިފަހަރު ބިލާލް ފަތުރާލި މަކަރުވެރި ދަންތުރައިގެ ސަބަބުން ކާމިޔާބީއާ ހަމައަށް ވާސިލެއް ނުވެވުނެވެ.
އެންމެ ފުރަތަމަ ބިލާލްގެ ފަހަތުން ދިޔަ މީހުންނަށް ވެސް ފެނުނީ ވަޔަށް އަރައިގެން ދިޔަ މަންޒަރެވެ. މިސްރާބް ހުރީ އެމީހުންގެ ބިމަށްކަން އެނގުމުން އެންމެންގެ ދުވެލި ބާރުކޮށްލިއެވެ. ނަމަވެސް، ވަކި ހިސާބަކުން މުޅި ފަޒާގެ ތެރެއަށް ފުސް ދުމެއް ފެތުރި، އެންމެންނަށް މަންޒަރު ނުސާފްވިއެވެ. ތަނެއް ދޮރެއް ވަކި ނުވިއެވެ. ދުންތައް ސާފް ވެގެން ދިޔައިރު ތިބެވުނީ ޒައްޔާންގެ އާއިލާގެ ހާއްސަ ގަނޑުވަރާއި ގާތުގައެވެ. ދެން އެއްވެސް ހިސާބަކުން އެއިން މީހަކު ނުފެނެނުނެވެ. އެމީހުން ހޯދުމަށް ނުފުރޮޅާ އެންމެ ގައުކޮޅެއް ވެސް ނެތެވެ.
ޒައްޔާން އާއި ޒަބީގް އަދި އާއިލާގެ އިސް މީހުންނާއި އަލާނިޔަލް އަދި ޔަޒަކް ވެގެން އެކަމުގައި އުޅެމުންދިޔައެވެ. އެމީހުންގެ ފަހަތުގައި ވަރުގަދަ ބިޔަ ލަޝްކަރެއް އޮތެވެ. އެކަކުވެސް ހިތްވަރު ދޫކޮށް ފަހަތަކަށް ނުޖެހެއެވެ. ތިބީ ގަދަ އަޒުމުގައެވެ. ބިލާލް ހޯދުމުގައި އެމީހުން ދެމި ތިއްބެވެ. ހިނދުކޮޅަކަށް ވެސް އެ މަސައްކަތް ނުހުއްޓައެވެ.

އިރުއޮއްސެމުން ދިޔަ ވަގުތު، ޒައްޔާން މަޑުކޮށްލައިގެން ހުރީ ގަނޑުވަރާއި ދުރުނޫން ހިސާބެއްގައިވާ ފަރުބަދައެއްގެ އައްސޭރި ފަށުގައެވެ. އޭނާގެ ކުރިމަތީގައި އޮތީ ކޮޅުނެތް ކޮޅަށް ދެމިގެން ގޮސްފައިވާ ހުސް ބިމެކެވެ. ގަނޑުވަރުގެ ތެރޭގައި ހޭލަމޭލަވަމުން ދިޔަ މީހުންނަށް ދޭތެރެއަކުން ބަލައިލަމުން، އޭނާ ހުރީ ފުން ފިކުރެއްގައެވެ. އެވަގުތު ދުރުން ލޫކް ފެނިގެން ޒައްޔާން އަތުން ހަނާ އަޅާލިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާ އައިސްފިއެވެ. ޒައްޔާންގެ ކޮނޑުގައި ޖަހާލަމުން ލޫކް ހުއްޓިލިއެވެ.
“ވަރަށް އާދަޔާއި ހިލާފް.. މިއީ އެންމެ ފަހުން ބިލާލްގެ ލަޝްކަރުގެ މީހުން ދުށް ހިސާބު… މި ހިސާބުން ދެން ވީ ގޮތެއް އެކަކަށް ވެސް ނޭނގުނު.. މުޅި ތަން ފުސްވެފަ އޮތީ.. އަހަރެމެން ފުސްގަނޑުން ނުކުމެ އައި އިރު ފެންނަން އޮތީ މިތަން” ޒައްޔާން އިޝާރާތް ކޮށްލީ ހާމައަށް އޮތް ބިމަށެވެ. ލޫކް ވެސް ދޫކޮށްލީ ފިނި ނޭވާއެކެވެ.
“މި ވެދާނެބަ އެމީހުންގެ ސިހުރުވެރިންގެ ކަމަކަށް؟”
ލޫކްގެ ސުވާލަށް ޒައްޔާން ބޯޖަހައިލީ އިރުކޮޅަކު ވިސްނާލުމަށް ފަހުގައެވެ.
“ވެދާނެ.. ވެޑިންގް ހޯލަށް ހެދިގޮތް ބަލާ.. އެހެންވީމަ ހަމަ ވެދާނެ.. އެދުވަހު އެއްވެސް މީހަކު އުއްމީދު ނުކުރާ ކަމެއް އަހަރެމެންނަށް ބިލާލް ދެއްކީ.. މިބުނީ ޒީވާ ދައްތަ ގެނައީ.. އެއަށްފަހު އެންމެންނަށް ރަނގަޅަށް އެހެންކަމަކާއި ނުވިސްނޭވަރު ހާލަތަކަޢް ދިއުމުން، އޭނާ ހިފީ އެވަގުތުގެ ބޭނުން.. އެކަކުވެސް ނުވިސްނާ ހުއްޓާ އެތެރެއަށް ވަދެ ރުއާ ގޮވައިގެން ދިޔައީ.. ބިލާލް އާއި އޭނާގެ މީހުންނަށް ލިބިފައިވާ ބާރުގެ މިންވަރަށް ބަލަންޏާ އަހަރެމެންގެ ކައިރިން ފަސޭހައިން އެއިން މީހަކަށް ސަލާމަތެއް ނުވެވޭނެ.. ހުރިޙާ ވެސް މައްސަލައަކީ އޭނާގެ ސިހުރުވެރިން.. އެކަމަކު އަހަރަމެން މުސްލިމުން ވީމަ އެފަދަ ކަންކަމާއި ވީހާވެސް ދުރުން އުޅެން ޖެހޭނީ ދޯ.. އެހެންވެ ކާފަ އަންގާފަ އޮތީ އެކަހަލަ އެއްވެސް ކަމެއް ނުކުރަން.. އަލާނިޔަލްބޭ ވެސް އެކަންކަމާއި ވަރަށް ދެކޮޅު.. ކެތްތެރިވެ ތިބެ ހުއްޓާނުލާ ރުއާ ހޯދަން މަސައްކަތް ކުރަން ޖެހޭނީ ” ޒައްޔާން ވާހަކަ ދެއްކިއެވެ. އެ ދެއްކި ވާހަކަ ތަކާއި މެދު އެއްބަސް ވުމުގެ ގޮތުން ލޫކް ބޯޖަހައިލިއެވެ.
“އަދި ފެންނާނެ އިރާދުކުރެއްވިއްޔާ.. ދޮންބެ ހޭއަރައިފި.. އެޑީ މެން ވެސް ބުނި ޖޮއިން ވާނަމޭ.. މިހާރު އެންމެ ބޭނުންވަނީ އިޒާން ދޮންބެ އަށް ވީގޮތެއް އެނގެން.. އެއްވެސް މީހަކަށް އަހާކަށް ނުކެރުނު ކުޑައްތަ ކައިރިއަކު” ލޫކް ބުނެލިއެވެ. ޒައްޔާން ބޯ ޖަހައިލީ، ހަމަޖެހިގެން ވާހަކަ ދެއްކުމަށް ޒީވާއަށް އަދި ވަގުތު ބޭނުންވާނެ ކަމަށް ބުނެފައެވެ.
****
މުޅި ކޮޓަރީގެ ތެރެއަށް ހީވަނީ ސްނާމީގެ އަސަރެއް ކޮށްފައިވާ ހެންނެވެ. ހިނދުކޮޅަކަށް ވެސް ތަރުތީބު ނުގެއްލޭ ކޮޓަރީގެ މަލަމަތި ވަނީ މުޅިން ބަދަލް ވެފައެވެ. އެއްވެސް ތަރުތީބެއް ނެތެވެ. މުޅި ކޮޓަރިއަށް ވެރިވެފައިވާ ކަނު އަނދިރި ކަމުގެ މައްޗަށް ފާއްދާލާފައިވާ ހަމައެކަނި އަލިކަމަކީ ބެލްކޮނީގެ ދޮރު ހުޅުވިފައި ހުރުމުން އައިސް އައިސް ފަނޑު އައްޔެވެ.
އެނދާއި ދިމާލު ތިރީގައި، ފިނި ތަޅުންގަނޑުމަތީގައި ލިއަމް އިށީންދެ އިން އިރު، އޭނާ އިނީ ދެކަކުލުގައި ބޯއަޅާލައިގެންނެވެ. އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލައިގެން އިންއިރު، އެ ހަށިގަނޑުން ތުރުތުރުލުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. ބޭރުވަމުންދިޔަ މަޑު ގިސްލުމުގެ އަޑު މުޅި ކޮޓަރީގެ ހިމޭންކަން މުގުރާލަމުން ދިޔައީ ހިތްދަތި މިއުޒިކެއް ފަދައިންނެވެ. ހިތަށް ކުރަމުންދާ އަސަރާއި ވޭނުން، ހީވަނީ މޭގެ ތެރޭގައި ކޮށިވަޅިއަކުން ތޮރުފަމުން ދާހެންނެވެ. ކޮންމެ ނޭވާއަކާއެކު އެ ހިތުގެ ޒަހަމްތައް ދިޔައީ ފުންވަމުންނެވެ.
ހިތްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް ކެތްކުރަން އުނދަގޫވަނީއެވެ. ރުއާނާ ފެނުނު އެންމެ ފަހު ވަގުތު ކޮޅު ސިފަވަނީއެވެ. އެ މައުސޫމް ސޫރައެވެ. ރާބިއު ގާތު ވީ ވައުދު ކަންފަތްދޮށުގައި ގުގުމަމުން ދިޔައެވެ. “ރުއާނާ ރައްކާތެރިކޮށްދޭނަން” ކަމަށް ބުނެ ވީ އިގުރާރުގެ މަތިން މިއަދު އޭނާ ލަދުގަނެއެވެ. އެ ވައުދު ނުފުއްދުނެވެ. އެކަމުގެ ސަބަބުން އަމިއްލަ ނަފްސް އިންތިހާއަށް ކުށްވެރި ކުރެވެނީއެވެ.
ދެ ހަފްތާ ފާއިތު ވެގެން ދިޔައިރުވެސް އެއްވެސް ހަބަރެއް ނުވިއެވެ. ކެނޑި ނޭޅި ހޯދަމުން ދިޔަ ނަމަވެސް މާޔޫސް ހަބަރެއް ނޫނީ އަޑުއަހާކަށް ނުލިބެއެވެ. އެ ރީތި ސޫރަ ނުފެނި ހޭދަ ވި ކޮންމެ ސިކުންތެއް އެއީ ލިއަމްގެ ހަށިގަނޑަށް ފެތުރެމުންދާ ޒަހަރެއް ފަދަ އެއްޗެކެވެ. ކުރެވެމުންދަނީ ރޫހު މަރުވަމުންދާ ފަދަ އިހުސާސެކެވެ. އެގޮތުގައި ރޯން އިން އިރު މެދުކެނޑުމެއްނެތި ދޮރުގައި ތަކި ޖަހަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނެތެވެ. ދޮރުގެ ފުރަގަހުގައި ތިބީ ކޮންބައެއްކަން ވެސް ލިއަމްއަށް އެނގޭ ކަހަލައެވެ.

***
(ނުނިމޭ)

3 ހިޔާލު

  1. Kudoo
    11:38 ⁧⁦14/3/2026⁩⁩

    V reethi mi parr ves
    When next kiyaalan libeny🤍🤍🤍

  2. Anonymous
    15:41 ⁧⁦14/3/2026⁩⁩

    ވަރަށް ރީތި

  3. Aishath
    22:09 ⁧⁦14/3/2026⁩⁩

    Varah reethi mi part ves

ކިޔުންތެރިންގެ ހިޔާލު