މި ޖިސްމުގާ ވަނީ 24 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 24

 

“އަދި ނިމުނީއެއް ނޫން.. އިޔާ އެބައިން ގާރލްފްރެންޑް ގޮވައިގެން އައިސް..” ލިބުނު ހުރިހާ އުފާވެރިކަމެއް އެކުއެކީގައި ފަނޑުވެލަން ފަޅި ސިކުންތެއް ވެސް ނުނެގިއެވެ. ހީވީ ހިތުގައި ހިފާ ފިތާލިހެންނެވެ.

***

އަމީރާއަށް ވެގެން ދިޔަގޮތުން އިރަމް ދެރަވިއެވެ. އޭނާއަށް ބަލައިލެވުނީ މީރާންއާއި ނީޝަންގެ މޫނަށެވެ. އެމީހުންގެ މޫނުތަކުން އުފާވެރިކަން ފިލައިގެން ގޮސް ތިބީ ހިތްހަމަ ނުޖެހިފައެވެ. އަމީރާއަށް ހާއްސަ ކޮށްލެވުނު އެހާ އުފާވެރި ވަގުތުކޮޅެއްގައި އެފަދަ ކަމެއް އިޔާން ކުރުމުން އިރަމްގެ ގާތައް ވެސް ރުޅި އަންނަގޮތްވިއެވެ. ދުވަހަކުވެސް އިޔާންގެ ކުރިމަތީގައި ރުޅި އިސްކޮށް ބަހެއް ނުބުނާތީ އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އިޔާން އެމީހަކު ގޮވައިގެން އާއިލާއަށް ދައްކަން އަންނަން އެނގުނީ ހަމަ މިރޭ ހެއްޔެވެ. ހަފްތާއެއް ކުރިން، އެމީހުން އެ ޕާޓީ ޕްލޭން ކުރާކަން އިޔާންއަށް އިނގޭނެއެވެ. އަމީރާ ފަސް އެނބުރުނު އިރު އިޔާން އާއި އެ އަންހެންކުއްޖާ ފެނި ދެލޮލަށް ބޮނޑިވެގެން ކަރުނަތައް އިރަމްއަށް ފެނުނެވެ.

”ހެޕީ ބާރތްޑޭ” އިޔާން އެހެން ބުނެލީ ވެސް މީހުން އެތަނުގައި ތިބުމުން ކަންނޭގެއެވެ. އެންމެ ފަހަރަކު ވެސް އަމީރާގެ މޫނަށް ބަލައިވެސް ނުލިއެވެ.  ރީއާ އުރާލަމުން އޭނާ އެތަނުން ދުރަށް ޖެހިލިއެވެ.

”ޒޯޔާ ގޮވައިގެން ދާން އުޅެނިކޮން މަންމަ މިބުނީ މަޑުކޮށްލަން .. ދެން އާދެވުނު ފަހަރު އެއްޗެއް ކާލައިގެންނު ދާންވާނީ” މަޖުދާއަށް މާހައުލުގައި އޮތް ނުތަނަވަސްކަން ނުވިސްނި ހުރެ ބުނެލިއެވެ. އަމީރާ ބޯޖަހައިލިއެވެ. އޭރު ރީއާ ރުއްސޭތޯ ޒޯޔާ ވާހަކަ ދައްކަން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ރީއާ އިޔާންގެ ގައިގާ ބައްދާލި ގޮތައް ޒޯޔާއަކާއި އަނގައިންނެއް ވެސް ނުބުންނެވެ. ނީޝާން ކައިރިވެފައި ރީއާ އުރާލުމުން ފެނުނީ، ޒޯޔާ ގޮވައިގެން އިޔާން ނުކުމެގެން ދިޔަ މަންޒަރެވެ.

ކަރުނަތައް ހިފަހައްޓާލަން މަސައްކަތް ކުރަމުން އަމީރާ ހީލީ ގަދަކަމުންނެވެ. އިތުރު މީހަކަށް އިޙްސާސް ވެސް ނުވާނެޙާ ސިއްރުން ނޭފަތް ދަމާލަމުން ހިނިތުންވުން ފުޅާކޮށްލިއެވެ. އެހިތް އޭރުވެސް ދިޔައީ ރޮމުންނެވެ. އެންމެން އެއްފަހާރާ އައިސް އަމީރާ ވަށާލަމުން ތަހްނިޔާ ކިޔައި ހަދިޔާ ދެމުން ދިޔައެވެ. އިރަމްއާއި ނީޝަން ވެގެން އޭނާގެ ދެފަރާތުގައި ތިބެ މަޖާ ވާހަކަތައް ކިޔަމުން ދިޔައެވެ. ރީއާއާއި ޔޫވިން ގާތުގައި ބައިތިއްބައިގެން އެކުދިން ލައްވާ ވެސް ވައްތަރު ޖައްސުވަމުން ދިޔައެވެ. އެންމެންގެ ހުނުމުގެ އަޑު ހިފާލާފައި ހުއްޓެވެ.

އަމީރާވެސް ކަމެއްވެފައި ހުރިކަން ވެސް އަންގާނުލާ އުފާވެރި ހިނތުންވުމަކާއި އެކު އެންމެންނާއި ވެސް ވާހަކަ ދައްކަމުން ދިޔައެވެ. އެކުއެކީގައި ކައިގެން އަމީރާ ލައްވައި ކޭކް ފުޅިއެވެ. އެއަށްފަހު އޮތީ ފޮޓޯ ނެގުމުގެ ދަންފަޅިއެވެ. އެންމެންނާއި އެކު ފޮޓޯ ނަގަމުން ގޮސް އާމިލާއާއި ހައިކަލްއާއި އެކުވެސް ފޮޓޯ ނެގިއެވެ. ކުދިވެރިން މޭޒުދޮށުގައި ތިއްބައި ބޮޑެތި މީހުން ދިޔައީ  އުނދޯއްޔަށެވެ. އެމީހުންގެ ފަހަތުން އަމީރާ ތެދުވީ އާމިލާ އައިސް ދިނުމަށް އެދުމުންނެވެ. ހައިކަލްގެ އިތުރުން ނަދީމް އާއި މަޖުދާ އުނދޯލީގައި ތިބިއިރު އާމިލާ އޭނަ ގޮވައިގެން މަޑުކޮށްލީ ބިއްލޫރި ރެއިލިންގ ކައިރީގައެވެ. އަމީރާ ވިސްނަމުން ދިޔައީ ވަކިން ބައްދަލްކޮށްލަން އާމިލާ ބޭނުންވީ ކީއްވެތޯއެވެ. ހީލުން ފިޔަވައި ސުވާލެއް ކުރާކަށް ނުކެރުނެވެ. ގިނަފަހަރަށް އާމިލާ ހުންނަނީ އޭނަގެ މޫނަށް ބަލަހައްޓާއިގެން މާނައިން ފުރިގެންވާ ފަދައަކުން ހީލައިގެންނެވެ. އެދެލޯ ފެންކަޅިވެފައި ހުންނަހެން ވެސް ހީވިއެވެ. އަމީރާއަށް ފަހްމް ނުވާ ގާތްކަމެއް އެފަދަ ކޮންމެ ވަގުތުކޮޅަކު ނުގޮތަކަށް އިޙްސާސް ކުރުވަމުންދިޔައެވެ.

“ދައްތަ އާއި ބޭބެގެ ފަރާތުން ދިން ހަދިޔާއެއް އިނގޭ” އާމިލާ ސިޓީއުރައެކެވެ. އޭގައިވަނީ ކޯއްޗެއްކަން އެނގުނު ހިނދު  ހިފުމާއި ވަގުތު ދެކޮޅު ހެދިއެވެ.

“ނޫނޭ.. މީ ހަމަ ވަރަށް ދޭ ހިތުން ދިން އެއްޗެއް..”ވަރަށް ކީ ފަހުން އަމީރާ އެންމެ ފަހުން އޭގައި ހިފިއެވެ. ނަމަވެސް ހިތާއި ދެކޮޅަށެވެ. ފައިސާއަކީ އޭނާ މާ ގިނައިން ބޭނުން އެއްޗެއް ނޫނެވެ. އެ ސިޓީ އުރައެއް ބަލާލާފައިވެސް އޭގައިވަނީ ކުޑަ އަދަދެއް ނޫން ކަން އޭނާދެނެގަތެވެ. ބަލާބެލުމަށް ބޮޑަށް ވައްތަރުވީ ކޭޝްކާޑަކާއިއެވެ.

“ތޭންކިއު ސޯ މަޗް.. ބަޓް މިކަހަލަ ގިފްޓެއް ކީއްވެގެން؟” ހިތުގައި އުފެދުނު ސުވާލް އަމީރާ ކުރިއެވެ.

” އަސްލު އެމީ އަކީ މިހާރު ވަރަށް ސްޕެޝިއަލް ކުއްޖަކަށް ވެއްޖެ .. ދައްތަގެ…ދައްތަގެ ”

އާމިލާއަކަށް އިތުރަކަށް ނުބުނެވުނެވެ. އަޑުކުރެހިގެން ދިޔައިރު ފެން ކަޅިވެފައިވާ ދެލޮލުން ކަރުނަ ތިއްކެއް ޖަހާލިއެވެ. އަމީރާއަށް ވީ ގޮތެއް ވެސް ނޭނގުނެވެ. އާމިލާގެ ދެލޯ ފުރި ބަންޑުން ވަމުން ދިޔަ މަންޒަރަކީ އޭނާއަށް ބަލަން ކުޅަދާނަ ވި މަންޒަރެއް ނޫނެވެ. އޭނާއަށް ވަމުން ދިޔަ އުނދަގޫތަކުގެ އަސްލެއް ނޭނގުނެވެ. ނޭވާ ހާސްވަމުން ދިޔައިރު، އުނދަގޫ ގޮތަކަށް މެއިން ދިލަނަގައިގަތެވެ. އާމިލާގެ ދެލޮލުން ފޭބި ކަރުނައާއި އެކު އޭނަގެ އަމިއްލަ ދެލޯވެސް ތެމޭ ކަމުގެ އިޙްސާސްވިއެވެ.

“ދައް…ދައްތާ .. ކިހިނެތް ވީ” ‘ދައްތަ’ގެ ނަމުން އާމިލާއާއި މުހާތަބު ކުރަންވެސް އަމީރާއަށް ވީ ބޮޑު ވޭނަކަށެވެ. އެގޭގެ އެންމެން ފެންނައިރު މިވަނީ ކޮންކަހަލަ އުނދަގޫ ތަކެއްހެއްޔެވެ. ހާއްސަ ކޮން އާމިލާއާއި ހައިކަލްއެވެ. އާމިލާ ގާތުގައި އެވީ ވަގުތު ކޮޅު ދޭތެރެއަކުން ހައިކަލްމެން ތިބި ތަނަށް ދެވޭ ނަޒަރުން ވެސް އޭނަ އަޅައި ގަންނަނީ އެއިން ކޮންމެ ފަހަރެއްގައި ވެސް ހައިކަލް ބަލަހައްޓާއިގެން އިންނަ ގޮތެވެ. އެ ނަޒަރުގައި ގޯސް ނިޔަތެއް ނެތެވެ. ނަމަވެސް ހީވަނީ ކަމަކާއި ދެރަވެފައި އިންނަހެންނެވެ. މާޔޫސްވެފައިވާ ފަދައެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު، އެމީހުންގެ މޫނުމަތިން ވަކީން ބޮޑަށް އެއަސަރް ފާޅުވެއެވެ. ކީއްވެ ހެއްޔެވެ. އޭނާއަށް ނޭނގި ނަމަވެސް ކުށެއް ކުރެވުނީ ހެއްޔެވެ.

“ވަރަށް ބޮޑަށް ސޮރީ އެމީ …” އާމިލާ އުޅުނީ ކަރުނުތައް ފުހެލާފައި އަމީރާއާއި ވާހަކަ ދެއްކޭތޯއެވެ. ނަމަވެސް އަމީރާ ހިނިތުންވެލާފައި އޭނާގެ ބުރަކަށީގައި ފިރުމާލި ގޮތުން ވަކިން ބޮޑަށް ޖަޒުބާތީވެއްޖެއެވެ.

” އެމީ ފެންނަ ކޮންމެ ފަހަރަކު ދައްތަގެ ގެއްލިފައިވާ ދަރިފުޅުގެ މަތިން ހަނދާންވަނީ” އާމިލާއަށް އެވަރަށް ވެސް ބުނެވުނީ ކުރި ހިތްވަރުންނެވެ. އަނެއްކާ ވެސް ކަރުނުތައް ފައިބައިގަތެވެ. ރުއިމުގެ އަޑު ނީއްވި ނަމަވެސް މޫނުމަތިން ރަތްކަން ފެންނަން ފަށައިފިއެވެ.

“ވަޓް؟ ގެއްލުނީއޭ؟ ކިހިނެތް؟ ކޮން އިރަކު” އަމީރާއަށް ލިބުން ކުއްލި ސިހުމާއި އެކު ސުވާލްތައް އެއްފައްޗަކަށް އަމުނާލިއެވެ. ގަބޫލް ކުރަން އުނދަގޫވިއެވެ.

“ދެޓް ވޯޒް ހާރ ފިފްތް ބާރތްޑޭ.. އެހާ އުފާވެރި ދުވަހެއްގަ އެހާ ހިތި ހަބަރަކާއިގެން ކުރިމަތިލާން ޖެހިދާނެކަމަކަށް އަހަރެމެން އެކަކުވެސް އުއްމީދެއް ނުކުރަން .. އެއީ މުޅި ގޭގެ ދިރުން.. ރޫހް..އެންމެންގެ ހިތުގެ ހިތްހަމަ ޖެހުން.. ގޭގަ ހުސް ބޯއީސް ދޯ މިއުޅެނީ.. ކިހާ ލޯބިވާނެ ހުރި ހަމައެކަނި ގާލް ވީމަ.. ހުރިހާ ބޭބެމެން އެ ދަރި ގެންގުޅޭނީ ބިމުގަ ފައި ނުޖައްސައޭ ބުންޏަސް ދޮގަކަށް ނުވާނެ.. އެހާ ވެސް ލޯބިޥާނެ.. ދައްތަގެ ކޮއްކޮ ޝާއިރާގެ އާއިލާ ދިރިއުޅެނީ އުޅެނީ އޮސްޓްރޭލިއާގަ.. ޝާއިޜާގެ ދެ އަންހެން ކުދިން ހުންނާނެ .. މަންހާއާއި މާހާ ކިޔާނީ.. ޗުއްޓީ ތަކުގަ  އެދެކުދިން އައީމަ ވެސް އެހާ ލޯބިން އުޅޭނީ.. އަދި އަމިއްލަ ކޮއްކޮ ދެކެ ކިހާ ލޯބިވާނެ.. އާއިލާގަ ވެސް އަންހެންކުދިން މަދުވާނެ.. އެދުވަހު ވީ ގޮތެއް ނޭނގެ.. އެ ކުއްޖާ ގެއްލުނީ” އާމިލާގެ ވާހަކަ ނިންމާލި އިރު އަމީރާއަކަށް މާ ބޮޑު އެއްޗެއް ނޭނގުނެވެ. އަހާކަށްވެސް ނުކެރުނެވެ. އެހެން ނަމަވެސް ގެއްލިފައިވާ އެމީހުންގެ ދަރިފުޅަކީ ކިހާ މުހިއްމު ފަރާތެއް ކަން އަމީރާއަށް އިޙްސާސްވިއެވެ. އަމީރާގެ ހިތައް އަސަރު ކުރިއެވެ. އޭނާގެ މައިންބަފައިން ކޮބާ ބާވެއެވެ. ބޭނުން ނުވެގެން ދަރިފުޅު އެއްލާލާފައި ދިޔަ އިރު ، ބައެއް މައިން މި ރޮނީ އެމީހުންގެ ދަރިންނަށް ޓަކައިއެވެ. އެފަދަ ދަރިން ކިހާ ނަސީބު ގަދަހެއްޔެވެ. ދަރިފުޅު ވީ ތަނެއްގައި ހެޔޮ ހާލުގައި ލެއްވުމަށް އެދި ދުއާ ކުރާނެއެވެ. ނަމަވެސް އޭނާއަށް ދެރަގޮތެއް ވެއްޖެނަމަ ރޯން ހުރީ ކާކު ހެއްޔެވެ. ހެޔޮއެދިގެން އަންނާނީ ކާކުހެއްޔެވެ. ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނާ ބަހުގެ މާނާ ވަރަށް ވެސް ފުނެވެ. އެއްބަޔަކަށް އުފާވެރިކަން ގެނެސްދެމުން އަނެއް ބަޔަކަށް ހިތާމަތައް ގެނެސްދެމުންނެވެ. އާމިލާ ރުއިން ހުއްޓާލުމަށްފަހު ހިނިތުން ވެލުމުން ، އޭނާއަށް ހިނިތުންވެލަން ވެސް ނޭނގުނެވެ. އަމިއްލަ ހާލަތު މާ ބޮޑަށް އިޙްސާސްވީއެވެ. ކަރުނަތައް ބޮނޑިވަމުން ގޮސް ދެލޯ ފުސްވި އިރު އަމީރާއަށް، އެ ކަރުނުތައް ބޭރު ނުކޮށް ހަނދާނެ ގޮތަކާއި މެދު ވިސްނާލަން ޖެހުނެވެ. އެންމެފަހުން ހިންދިރުވާލަން ނޭފަތް އެތެރެއަށް ދަމާލެވުނެވެ.

“ކިހާ ވަރެއް އުމުރުން ވާނެ ދައްތަ ގެ ދަރިފުޅު؟”

“ދުނިޔޭގަ ހުރި ނަމަ އެމީ ހާ ވާނެ.. ހާއްސަ ތަންކޮޅަކީ އެމީއާއި ދެކުދިން އެއް ދުވަހެއްގަ ބާރތްޑޭ..” އާމިލާގެ ޖުމްލައިން އަމީރާ ކުޑަކޮން ސިހިއްޖެއެވެ.

“ގަބޫލް ކުރަން އުނދަގޫ ވެފައި ދޯ؟ ސޭމް ބާރތްޑޭ ހަމަ..، ނޮވެމްބާރ ހަތާވީސް..”އަމީރާގެ ހައިރާންކަން ނަގައިގެނެވިގެން އާމިލާ ހީލިއެވެ. އެ އަސަރުތަކުގައި ހުރެމެ އަމީރާވެސް ހީލަން މަސައްކަތް ކުރިއެވެ.

”އެމީ.. ވިޝާމްގެ ކައިވެނީގެ ކަންތައްތަކާއި ގުޅޭ މަޝްވަރާ އެބައިން މާދަމާ.. މަޖުއްތަ މެންނާއި އެއްކޮން ދާންވާނެ އެނގޭ.. ގޭގަ ކާގޮތައް ހަދަން ހިތައް އަރުވާލާފަ ވެސް، ރެސްޓޯރެންޓްއިން އެންމެން ބައްދަލް ކޮށްލާ ގޮތައް ހަދަން އެންމެ ފަހުން މި ނިންމީ.. ސަބަބަކީ އެމީގެ ކެއުންތައް ބޭނުން އެ އަންނަ ކުދިންނަށް ރަހަ ދައްކާލަން.. އެގޮތައް ޕްލޭން ހަދާ ނިންމާފަ އެ ފެމެލީއަށް އެކަން އަންގާލިފަހުން ވިޝާމް ބުނެފި މާދަމާ މީ އެމީ އޮފް ނަގާ ދުވަހޭ.. ބަޓް ކެން ޔޫ މޭކް އިޓް ފޯރ އަސް؟ އޭރުން މި ވީކް އެއްކޮން ފްރީ ކޮށްލަ ދޭނަން” އާމިލާ އެހާ އުއްމީދާއި އެކުގައި ބުނުމުން އަމީރާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. މާދަމާ އޭނާ ނިންމައިގެން ހުރީ އެއާރޕޯޓް އިން ދިމާވި ސްޕެއިންގެ އެކުވެރިޔާ ، ވެލެރީ އާއި ދިމާކޮށްލުމަށެވެ. ވެލެރީ ބައްދަލް ކުރަން ކިޔާތާ ހަފްތާއެއް ފަހުން އޭނާ އާއެކޭ ބުނީ ވެސް ރޭގައެވެ.

“ލައްބަ އައި ވިލް.. އެކަމަކު ވީކް އެއްކޮން ފްރީ ނުކޮށްލިއަސް އޯކޭވާނެ..މާދަމާ ނޫން އަނެއް ދުވަހުން އޮފް ނަގާލާނީ” އަމީރާ ހިނިތުންވެލާފައި ދިން ޖަވާބުން އާމިލާއަށް ދޫ ކޮށްލެވުނީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ. ވަގުތުން ޝުކުރު އަދާކޮށްލިއެވެ. އިރުކޮޅަކު އަމީރާއާއި ވާހަކަ ދައްކާލަން ހުރެފައި، އާމިލާމެން ގެއަށް ދާން ނުކުތް ހިނދު މަޖުދާއާއި ނަދީމްވެސް ދޮރާއި ހަމައަށް ދިޔުމަށްޓަކައި އެމީހުންގެ ފަހަތުން ދިޔައެވެ.

މުޅިތަން ހަމަހިމޭން ވެގެންދިޔައިރު އެހުރިހާ އިރު މޫނަށް ވެރިކޮށްގެން ހުރި ހިނިތުންވުން އަމީރާގެ މޫނުމަތީން ފޮރުވިއްޖެއެވެ.  އޭރު މުޅިތަނުގައި ވެސް ތިބީ އިރަމް އާއި އޭނާއެވެ. އިރަމްގެ ސުވާލެއް އަމާޒުވެދާނެތީ ހިތުގައި އަޅަމުން ދިޔަ ގަދަ ވޭނުގެ އަސަރެއް މޫނުމަތިން ނުދައްކާވޭތޯ އަމީރާ ބެލިއެވެ. ނަމަވެސް ޒޯޔާއާއި އިޔާން ކައިރި، ކައިރީގައި ތިބިތަން ސިފަވެގެން ދާ ކޮންމެ ފަހަރަކު ހީވަނީ ކޮށި ވަޅިއަކުން އެހިތް ފޮތިކުރަން އުޅޭހެންނެވެ.

“އެމީ ޔޫ އޯކޭ؟” އަމީރާ ނުދައްކަން މަސައްކަތް ކުރި އަސަރުތައް އިރަމްއަށް ފާހަގަވެއްޖެކަން އެނގުމުން ތުންފަތުގައި ދައިގަނެވުނެވެ. އިރަމްގެ ސުވާލް ދެވަނަ ފަހަރަށް އައުމުގެ ކުރިން އޭނާ ރަނގަޅުކަމަށް ބޮލުގެ އިޝާރާތުން އަންގާލަ ދިނެވެ. ނަމަވެސް އިރަމް ބަލަހައްޓާއިގެން ހުރީ ތަފާތު ގޮތަކަށެވެ.

“ލާޔަރ! އައި ނޯ ޔޫ އާރ ނޮޓް އޯކޭ! އެކަމަކު މިރޭ އައިލް ލީވް ޔޫ އެލޯން .. ބެޓާރ އާންސްވާރ މީ ޓްމޯރޯ!” އަމީރާ ކުރިމަތިން ދިޔުމުން އިރަމްގެ ހިތުގައިވާ ޖުމްލަތައް ދުލާއި ހިސާބަށް ގެނައެވެ. މިރެއިން މިރެއަށް ހުރިހާ ކަމެއް އަހާ އޮޅުން ފިލުވަން  ކިތަންމެ ބޭނުންވި ނަމަވެސް، އަމީރާ ހުރިގޮތުން އެ ހިޔާލް ދޫކޮށްލިއެވެ.

****

އާދުވަހަކަށް މަރްހަބާ ކީ އިރު ‘ގޯލްޑެން ފޯކް’ ރެސްޓޯރެންޓްގެ އާއިލާއަށް ހާއްސަ ވީއައިޕީ ލޯންޖް ފެންނަނީ ފުދޭވަރަކަށް ހަލަބޮލިކޮންނެވެ. ގިނައަދަދެއްގެ މަސައްކަތު މީހުންނާއި ނޯކަރުން އެކުވެރިކަމާއި އެކު މަސައްކަތް ކުރަމުން ދިޔައީ އެރެއަށެވެ. ދޭތެރެއަކުން މެނޭޖާރ އިކްރާމް އައިސް ތަނުގެ މަސައްކަތް ހުންނަންވާ ގޮތް އެމީހުންނަށް އަންގާލަ ދެމުން ދިޔައެވެ.

ހައިކަލް އައިސް މަޑުކޮށްލީ އެފަދަ ވަގުތެއްގައެވެ. ނިމިފައިވާ ކަންކަމަށް އޭނާ ބަލައިލީ ހިތްހަމަ ޖެހިފައި ހުރެއެވެ. އެތަނުގައި އޮތް އެކުވެރިކަން ފެނި އޭނާގެ ރޫހަށް ލިބުނީ ހިތްހަމަޖެހުމެކެވެ. ހައިކަލް އަބަދުވެސް އެންމެ ފަޙްރުވެރިވާ ކަމަކީ އޭނާގެ ސްޓާފުންގެ އެއްބައިވަންތަކަމާއި މެދުގައެވެ. ދެމީހަކު ދެބަސްވާ އަޑެއް އެތަނުން ދުވަހަކު ވެސް ނީވެއެވެ.

“ހެލޯ ސާރ” އޭނާ ފެނުމާއި އެކު އިޙްތިރާމް އަދާ ކުރުމުގެ ގޮތުން އެންމެން އެކުއެކީގައި ގޮވާލިއެވެ.

“ލައްބަ..ކޮބާ ހުރިހާ ކުދިން ރަނގަޅުތަ؟ ވަރުބަލި ފިލުވަމުން އިނގޭ މަސައްކަތް ކުރަންވާނީ.. ތިކުދިންގެ އިންޓަރވަލް އެބަ ރެޑީވޭ ކޮންފަރެންސް ރޫމް ދެއެއްގަ.. މިވަގުތު ނަމާދު ބްރޭކަށާއި އެކު އެކީގައި އެއްޗެއް ކާލުމަށް ދޭ އަވަހަށް” ހައިކަލްއަށް ޝުކުރު އަދާކޮށްފައި ފަހަރަކު މީހަކު ނުކުމެގެން ދާންފެށިއެވެ.

“އިކްރާމް ކޮބާ އެއްޗެއް ކައިފިންތަ؟.. މިހާރު ޖަހަނީ ޖަހަނީ އެއޮތް ”

“އަޅުގަނޑު ނަމާދަށް ދިޔުމުގެ ކުރިން ކައިގެން ހުރީ.. އެހެންވެ ބަނޑުހައި ނުވޭ އަދި” އިކްރާމްގެ ޖަވާބުން ހައިކަލް އެހެން ހޭ ބުނެ ބޯޖަހައިލިއެވެ. ހައިކަލް އެދުނީ ބަދިގޭގެ މަސައްކަތް ބަލާލަން އޭނާއާއި އެކު ދިޔުމަށެވެ. އިކްރާމް ވެސް ބޯހައިލަމުން ހައިކަލްގެ ފަހަތުން ދިޔައެވެ. ދިޔަ މަގުމަތީގައި އަދުގެ މަސައްކަތާއި ބެހޭގޮތުން ހައިކަލް އޮޅުން ފިލުވަމުން ދިޔައެވެ.

***

ވިޝާމް އޮތީ ކޮޓަރިއާއި އިއްވެގެން ހުރި ޖާގަ ތަނަވަސް ބެލްކޮނީގައެވެ. ދެލޯ މަރާލައިގެން އޮތް އިރު، ކޮފީ މޭޒުމައްޗަށް ދެފައި އަރުވާލައި، ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްލާފައިވާ ގޮތުން އެތައް ކަމަކާއި ވިސްނަމުންދާކަށް ހެކިވެއެވެ. އެތަނުގައި އޮތް އިރު، ބަނަވިލާތަކު ދޭތެރެ ޔަކުން އިރުގެ ދޯދިތައް ފަނޑުގޮތަކަށް ހުރީ ދައްކާލާފައެވެ.

އެ މޫނުމަތިން އުދާސްކަމާއި މާޔޫސްކަމުގެ ކުލަވަރު ފެންނަމުން ދަނީ އިންތިހާއަށެވެ. ކުރެވެން އެއުޅެނީ ހަމަ ރަނގަޅު ކަމެއްބާއޭ ހީވަނީއެވެ. އޭނާގެ ދިރިއުޅުމުގައި، ލޯތްބާއި ގުޅޭގޮތުން މުޅިން ވެސް ކުރެވިފައި ހުރީ ހިތްދަތި ތަޖުރިބާއެވެ. އެންމެފަހުން އޭނާގެ ހަޔާތައް އައީ ދުނިޔެ ނުދެކޭ ފަދަ ކޮޅިގަނޑެކެވެ. އެންމެ ލޯބިވީ އަންހެންކުއްޖާ، ދިރިއުޅުމަށް ވިހަލީ އެންމެ ވޭނުން ފުރިގެންވާ ފަދަގޮތަށެވެ. ބޭނުންވީ ވިޝާމްއެއް ނޫނެވެ. ބޭނުންވީ އެހެންކަމެކެވެ.

އިޔާން ގާތުން ލަފާ އަހަން ހިތައް އެރުވި ނަމަވެސް މަސައްކަތުގައި ބުރަ ދުވަހެއް ކަމަށް ބުނެ ނައެވެ. ކޮންމެހެން ހަދާފައިވެސް މިރޭ ހުސްކޮށްލާނެ ކަމަށް އިޔާން ބުނުމުން ވިޝާމް ހުރީ ހިތްހަމަޖެހިފައެވެ. ދެން ހުރީ ސަދަފް އެވެ. ވިޝާމް އޮތީ ސަދަފް އަންނާނެ އިރެއްގެ އިންތިޒާރު ގައެވެ. އެދެމީހުން ފިޔަވައި އިތުރު މީހަކަށް އެކަންތައް ގަނޑުގެ ހިލަމެއް އެނގޭނެ އެހެން މީހަކު ނުހުންނާނެއެވެ. ކޮންމެ ގޮތެއް ވިޔަސް އެހާ ހިސާބަށް ކަންތައްތައް ގޮސް ކައިވެނި ހަމަޖެހިފައި ވަނިކޮން، ހުއްޓުވާކަށް ބޭނުމެއް ނޫނެވެ. އަނެއްކޮޅުން އޭނާގެ ލޯބި ކާމިޔާބު ކުރުމުގެ ނިޔަތުގައި މަންހާ ހޯދާކަށް ދުވަހަކުވެސް މަސައްކަތެއް ނުކުރާނެއެވެ. މަންހާގެ މަތިން ހަނދާން ނައްތާލުމަށްޓަކައި ޔަގީނުން ވެސް މިއީ ކުރުން އެންމެ ރަނގަޅު ކަންތައް ކަންނޭގެކެވެ. ކައިވެންޏަށްފަހު އެ އިންނަން ހަމަޖެހިފައިވާ އަންހެންކުއްޖާއާއި ގާތްގުޅުމެއް ބާއްވަން މަސައްކަތް ކުރަންވީއެވެ. އޭރުން، މަންހާގެ މަތިން ހަނދާން ނައްތާލަން ފަސޭހަވާނެތާއެވެ. ވިޝާމްގެ ހިޔާލް އެނބުރެމުން ދިޔައީ އެކިފަހަރު އެކި ގޮތަށެވެ.

“ޒަ..ން..ޔާ” ލަސްލަހުން ކިޔާލެވުނެވެ. އެތަކެއް ފަހަރު ޒާހިރްއާއި ލައިލާއާއި ދިމާވެފައިވީ ނަމަވެސް، އެދެމަފިރިންގެ އެއްވެސް ކުއްޖަކާއި އަދި ބައްދަލްވެފަ އެއް ނުވެއެވެ.

” ކޮބާ؟ ކޮން ހާލެއްގަ؟ ” ކަރުގައި އޮޅާފައި އޮތް ޓައީ ލަސްލަހުން ދޫކުރަމުން  ސަދަފް ވަދެގެން އައިސް އިށީންދެލީ އެ ކޮޓަރީގެ އެނދުގައެވެ. ސަދަފްގެ އަޑު އިވިގެން ވިޝާމްވެސް ސޯފާއިން ތެދުވެ ކޮޓަރީގެ ތެރެއަށް ވަނެވެ. އޭނާ ފެނުމުން ސަދަފް ނިތް އަރުވާލިއެވެ.

“އާހްހް..ކިހިނެތް ވާނީ” އެނދުމައްޗަށް ބަނޑުން ވެއްޓިގަންނަމުން، ހިތާއި ސިކުނޑީގައި އުފެދިފައިވާ ގަޑުބަޑު ގަނޑު ވިޝާމް ހިއްސާ ކުރަމުން ދިޔައެވެ. ވާހަކަ ކަނުލާ އަހަމުން ދިޔައިރު ވިޝާމް ހިޔާލް އެނބުރޭވަރުން ސަދަފް ދެތިން ފަހަރު ޖަހައިވެސް ލިއެވެ.

”ޒަންޔާ ދުށިން މިއަދު.. ލޯބި ކުއްޖެއް ދޯވެއޭ ކިޔާފަ ބައްޕަ ދެއްކީ ފޮޓޯއަކުން.. ތިއްތިބެ އަށް ފޮޓޯ ފޮނުވަން އެހީމަ ބުންޏޯ އައީމަ ފެންނާނެ ނޫން ހޭ.. މަ ހިތައް އަރާ ކީއްބާ އޭ މީނައަށް ވެފަ މި ހުންނަނީ.. އެއްފަހަރު ކިޔާ އެއްޗެއް އަނެއްފަހަރު ނުކިޔައޭ.. މީހަކު އަޅެ ރުޅިއެއް ނާންނާނެތަ؟ އަހަރެންގެ ހިޔާލަކަށް އެދުނީމަ އެނގޭ މިބުނަނީ.. ޒަންޔާ އާއި މެރީ ކުރަން މަށައް ފެންނަނީ… އެކުއްޖާގެ ހާލަތުވެސް އެނގިއްޖެ .. ތިއްތިބެގެ ހާލަތުވެސް އެނގި ހުރެމެ މިބުނަނީ.. ހުރިޙާ ކަމެއް މިހިސާބަށް އައީމަ ތިހެން ވިސްނުން ބެހެއްޓީމަ ކިހިނެއް ވާނީ.. އެންމެ ފުރަތަމަ ވެސް އެހެންވެ ބައްޕަވެސް އެހާވަރުން އޮޅުންފިލުވާ ޔަގީން ކުރީ”

“ސަޅި ބިޓެއް ތަ؟” ވިޝާމް ކޮށްލީ އެސުވާލެވެ. އެއާއި އެކު ސަދަފް ޖަހައިލީ ވިޝާމްގެ އުނަގަނޑުގައެވެ. “އާރ ޔޫ އީވެން ސީރިއަސް؟” ވިޝާމް ހޭން ފެށުމުން ސަދަފްއަކަށް ކަމަކު ނުދިޔައެވެ. ދެވަނަ ފަހަރަށް ޖަހަން އުޅުމުން ހެމުން ހެމުން ދެމެދަށް އަތް ހުރަސްކޮށްލިއެވެ.

“ނޫނެކޭ.. އެހެންނެއް ނޫނޭ މިބުނަނީ އެއް.. މެރީ ކުރާނަމޭ.. އަދި ނުބުނަމެންނު އެއްވެސް ހާލެއްގަ ނީންނާނަމެކޭ..  މިބުނީ ބައެއްފަހަރު ވިސްނުމަށް އަންނަ އެއްޗެއްގެ ވާހަކަ .. ޝެޑީއަށް އެނގެއެންނު ތިއްތިބެގެ ލަވް ލައިފް.. ކިހާ އަންލަކީ ކޮން ދިޔައީ..އެހެންވެ އަސްލު ބިރު ހީވަނީ.. މިކުރެވެން އުޅެނީ ރަނގަޅު ކަމެއްބާއޭ ހީވެ ވަރަށް ވިސްނޭ” އެނދުން ތެދުވެ ސަދަފްގެ ކައިރީގައި ވިޝާމްވެސް އިށީންދެލިއެވެ. އޭރު އޭނާގެ މޫނުމަތިން ހިސާބަކަށް ސިރިއަސްކަން ފެނެއެވެ.

“ތި ވިސްނޭ ބޭކާރު ވިސްނުންތައް އޮޅާލަބާ.. އަހަންނަކީ ވެސް  އެތައް ބައެއްގެ ނަޒަރުގާ ކުށްވެރިއެއް.. އެކަމަކު އަހަންނަށް ދޯ އެނގެނީ ކުށެއް ނުކުރާކަން.. އެހެންވިއްޔާ އެކަމާ އަހަރެން ވިސްނާނެ ކަމެއް ނެތް.. އެކަހަލަ ބޭކާރު ވިސްނުންތަކާއި ތިއްތިބެ ވެސް ދުރުވާންވީ..  ކޮންމެވެސް ދުވަހަކުން ހުރިހާ ކަމެއް ރަނގަޅުވާނެކަމުގެ އުއްމީދުގަ މިހުންނަނީ.. އަދި ގެއްލުނު އެކުވެރިޔާ ވެސް ލިބޭނެ ކަމުގެ އުއްމީދުގަ”

“ވަޓް؟ ކީކޭ ތިބުނީ؟” ސަދަފް އެހާ މޮޅިވެރިކަމާއި އެކު އެވާހަކަ ބުނުމުން ވިޝާމްއަށް ފާޑަކަށް ހުއްޓުން އެރިއެވެ. ސަދަފްއާއި ބެހޭގޮތުން އޭނާ ހޯދަން ބޭނުންވެފައި ވާ ކަންތަކުގެ ވާހަކަ އެ ބުނެލީ ހާދަ ފަސޭހައިންނެވެ.

“މިހެން ބުނީމަ މިކަމާ ބެހޭ ގޮތުން ނެތްނޫން އަހާނީ.. ސިޓުއޭޝަން ތަފާތަކަސް މި ވެސް ހަމަ ފާޑެއްގެ ކަމެއްނު.. އެހެންވެ މި ބުނެދިނީ.. ތިއްތިބެ ކުރިން ތިން މީހުންނާއި ރައްޓެހި ވީ އިރު ވެސް ދޯކާ ލިބުނީ..އެންމެ ފަހުން ވިހަގަދަ ހަރުފައެއް އައީ.. އޭގެ މާނައަކީ ދެން ވެސް ވާނީ އެހެންނެކޭ ނޫން.. ދިރިއުޅުމާއިގެން ކުރިއަށް ދެވޭނީ ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތި ލައިގެން.. ތިވަރުގެ ކަންތައް އަދި ތިއަށްވުރެން މާ ވޯރސް ކަންތައްތައް، އިނޮސެންޓް އިރު ވެސް އެބަހުރި އެތައް ބަޔަކަށް ތަހައްމަލް ކުރަން ޖެހިފަ.. ދެން އެހިސާބުން ސްޓަކް ވެއްޖެނަމަ މަގުގެއްލި ހަލާކު ވާނީ..” ސަދަފް ހިންދިރުވާލިއެވެ. އަމިއްލަ ނަފްސަށް މުހާތަބު ކޮށްފައި އޭނާ އެންމެފަހުން ބުނެލި ޖުމްލަތައް ވިޝާމްއަށް ފަޙްމް ނުވިއްޔާ ރަނގަޅެވެ. ސަދަފް ބޭނުންވީ ، އޭނާ ފަދައިން ވިޝާމްވެސް ހިތްވަރެއް ކޮށްލާފައި ދުނިޔެއާއި ކުރިމަތި ލާށޭވެ. އޭނާ އަޑުއަޙާފައިވާ ގޮތުން ޝާއިރާ އާއި މަންހާއާއި މާހާ ވެސް ވިޝާމްގެ ކައިވެންޏަށް އާދެއެވެ. ވިޝާމް ހުރި ގޮތުން އަދި އެކަން އެނގިފައި  ހެންނެއް ހިޔެއް ނުވެއެވެ. މިވަގުތު ވިޝާމްގެ މޫޑް އިތުރަށް ހަރާބްކުރާކަށް ސަދަފް ބޭނުމެއް ނުވިއެވެ.

“ޝެޑީ ޙާދަ މާނަ ފުން ވާހަކަ ތަކެއް؟ ކީކޭ ތ-”

“މިބުނީނު އަހަރެންގެ ވާހަކަ އެއް ނޫނޭ ދައްކަން ފަށާނީ.. އެނގޭތަ ޒަންޔާ އަކީ ވަރަށް ރީތި ކުއްޖެއް .. މާޝާﷲ.. އަހަންނަށް ހީވަނީ މަންހާއަށް ތިއްތިއާއި ޒަންޔާއާއި އެކުއެކީގައި ތިބެ ފޮޓޯއެއް ނަގާފަ އޭނާއަށް ފޮނުވައިފިއްޔާ އަނބުރައި ގަންނާނެހެން” ވިޝާމް އެ ވާހަކަ ފެށުމުން ސަދަފް މައުލޫއު ބަދަލްކޮށްލި ގޮތުން ނިތައް ރޫ ގިނަވިއެވެ. ނަމަވެސް މަންހާގެ ނަން އައުމުން ސަދަފްގެ ވާހަކަ ފަހުން އަހަން ހިތައް އަރުވާލިއެވެ.

“އޭނަ އައިސްވެސް ދާނެ ކަންނޭގެ.. ޒަންޔާއާއި ޑީލް އެއް ހަދަންވީ ކަންނޭގެ ދިމާވީމަ” ވިޝާމް މިހާރު ވިސްނަން އެފެށި އަނެއްކާ ކީއްކުރަންބާއޭ ސަދަފްގެ ހިތައް އެރިއެވެ. ޒާތަކަށް ހީލައިގެން ހުރެ އޭނާގެ އަތުގައި ހިފައިގެން ބޭރަށް ނުކުންނަން ދިޔައެވެ.ހީވީ ސަދަފް އަހާފާނެތީ އުޅުނު ހެންނެވެ. ” ކޮފީއެއް ބޯލައިފިއްޔާ ހީވެ ދާންވާއިރަށް ހަމައަކަށް އެޅޭނެ ހެން” ވިޝާމް ބުނެލިއެވެ.

***

“ހުރިހާ އެއްޗެއް ވެސް ޕާފެކްޓް.. ދުވާ ވަހުން ހީވަނީ ބަނޑު ފުރިއަރާހެން.. މްމްމް” ކައްކާ ބައިގެ އެތެރެއަށް ވަދެގެން އައި އާމިލާ ޥާހަކަ ދެއްކީ އަމީރާއާއިއެވެ. އޭރު ނިމިގެން އޭޕްރޯން ބޭލުމަށްފަހު އާމިލާއާއި ދިމާލަށް އެނބުރިލިއެވެ. އަމީރާ ހީލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. އެހާ ގިނައިރު ކޮޅަށް ހުރުމުން ހުރިޙާ ބާރެއް ކުރަމުން ދިޔައީ ދެފަޔަށެވެ.

“މިހާރު އެމީހުން އަންނަން އުޅޭނެ ދޯ؟” އަމީރާ ނަޒަރެއް ދިނީ ގަޑިއަށެވެ. އޭރު އަށެއް ޖަހަން ހުރީ ފަސްމިނެޓެވެ.  އަންނަން ހަމަޖެހިފައި ވަނީ އަށްގަޑި ބަޔަށެވެ. އާމިލާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮން ހައިކަލްގެ ސެކްރަޓަރީ ބާސިތް އެތެރެއަށް ވަދެ އޭނާއަށް ގޮވާލިއެވެ. ބާސިތް ދިއްކޮށްލީ ކަރުދާސް ކޮތަޅެކެވެ. ޝުކުރު އަދާކޮށްފައި ކޮތަޅު ހިފައިގެން އޭނާއައީ އަމީރާގެ ގާތަށެވެ. އާމިލާ އެ ކޮތަޅު އަމީރާއަށް ދިއްކޮށްލުމުން ހައިރާންވެފައި ހުރެ އެއީ ކީއްކުރާ އެއްޗެއްތޯ އެހުނެވެ.

“މިހާރު އަންނަން އުޅޭނެ އެމީހުން.. މިއީ މިހާ ބޮޑު ކަމެއް ކޮށްދިނީމަ ދައްތަގެ ފަރާތުން ދޭ ކުޑަ ހަދިޔާއެއް.. ދޭ ރެޑީ ވެލައިގެން އަންނަން .. އެންމެ މަތީގެ ފެމެލީ ރޫމްއިން އެއް ކޮޓަރި އެމީއަށް، ބާސިތްމެން ތައްޔާރު ކޮށްލަ ދީފަ ހުންނާނެ… އެތަނުގެ ތައްޔާރު ވެލެވޭނެ ހުރިހާ އިންތިޒާމެއް ހުންނާނެ.. އާދޭ ފްރެޝް ވެލައިގެން.. ދެންމެ ގުޅިތަނާ މަޖޫ މެން ވެސް ކާރަށް އަރަނީ ކަމަށް ބުނީ” އާމިލާ ހުރިޙާ އެއްޗެއް އެއް ނޭވާއިން ކިޔައި ނިންމާލިއެވެ.

އަމީރާއަށް އެއްޗެއް ނުބުނެވި ހުއްޓާ، އާމިލާ އެތަނުން ދިޔައެވެ. ހީވީ އަމީރާ މަނާކޮށްފާނެ ކަން މާކުރިން އެނގިގެން އަވަހަށް ދުވެ ފިލަން ދިޔަހެންނެވެ. އަމީރާގެ ގާތައް ހިނިވެސް އައެވެ. އާމިލާ ބުނިހެން އޭނާ ދިޔައޭ އެންމެ މައްޗަށް ހުންނަ އާއިލާ މެންބަރުންނަށް ހާއްސަ ކޮޓަރިއަށެވެ. އެތަނުގައި ދެކޮޓަރިއެއް ހުރި އިރު އަމީރާގެ އަތައް ބާސިތް ގެނެސްދިން ތަޅުދަނޑި ހުޅުވާލީ އެންމެ މަގަތައް ހުރި ކޮޓަރިއެވެ.

 

“ކޮބާ އެމީ؟” އާމިލާ އައިސް ހުއްޓިލުމާއި އެކު ހައިކަލް އެއްސެވެ. އޭނާ ދެންމެ ކަންތައް ކޮށްފައި އައި ގޮތް ހައިކަލް އަށް ކިޔައިދިނެވެ. އެހިނދު ހައިކަލް ހިނިގަނޑެއް ޖަހައިލިއެވެ.

“އަދިވެސް އެ ސިޔާސަކަން” އާމިލާގެ ކޮލުގައި ހައިކަލް ހިފާލިތަން ފެނި ހީލިއިރު އެމޫނަށް ޖަންބުކުލައެއް ވެރިވިއެވެ. މެރޫންކުލައިގެ އަބާޔާއަކާއި ހަމައެކުލައިގެ ޝޯލް އެއް އަރަބި ސްޓައިލްއަކަށް ބޮލުގައި އޮޅާލަފައި ވީއިރު އާމިލާ ނުހަނު ރީއްޗެވެ. ހައިކަލް ވެސް ހުރީ ކަޅުކުލައިގެ ޖީންސްސަކާއި އެކުލައިގެ އަތްދިގު ގަމީހެއްގައެވެ. ދެމަފިރިން އެކަކު އަނެއްކަށް ތައުރީފް ކުރަމުން ދިޔައިރު ކައިރިންލާފައި ދާ ވޭޓަރުން ދިޔައީ އެދެމީހުންނަށް ތައުރީފް ކުރަމުންނެވެ.

“އެހެމް އެހެމް.. މަންމާ.. ބައްޕާ އަޅުގަނޑުމެން އެބަ ތިބިން.” ދެމީހުން ފަސް އެނބުރުނީ ސަދަފްގެ އަޑުންނެވެ. ސަދަފްގެ މޫނުން ލާނެތްކަން ފެންނަމުން ދިޔައެވެ.  އޭނާގެ އުރުގައި ޔޫވީން ވެސް ހީލައިގެން އިނެވެ.

“އަހަހަހާ.. ދަރިފުޅާ…. ދަރިފުޅުގެ ގާލްއަށް ވެސް އިންވައިޓް ކުރި ނަމައެންނު މިރޭ.. ކިހާ ފުރިހަމަ ވީސް” ސަދަފްއަށް ފެނުނުކަން އެނގުމުން އާމިލާ ހިސާބަކަށް ލަދުގަންނަ ގޮތްވީ ނަމަވެސް ފޮރުވާލަމުން ހޭންފެށިއެވެ. ހައިކަލްވެސް އާމިލާއަށް ބާރު ދެމުން ވާޙަކަދައްކަން ފެށިއެވެ.

ސަދަފް ބޯކަހައިލިއެވެ. އޭނާގެ އަންހެންކުއްޖާ އަކީ ކާކު ކަން އެނގޭނެ ނަމަ މަންމަ އާއި ބައްޕަ އެހެން ހިނިއައިސް ހުންނާނެބާއޭ ހީވިއެވެ. ވަކި ޖަވާބެއް ނުދީ އޭނާ ހީލިއެވެ.

” ދަރިފުޅާ ކޮބާ މާއިންގެ ހަބަރެއް ވިތަ؟.” ހައިކަލް އަހައިލުމުން ސަދަފް ދެފަރާތައް ބޯހޫރުވާލިއެވެ. އޭނާ ނުދެކޭ ކަމަށް ބުނެލިއެވެ. ގުޅުމުން ފޯނެއް ވެސް ނުނަގައެވެ. ގޭގައި މީހަކަށް އޭނާ ނުފެންނަތ ބަރާބަރު ދެދުވަސް ވެއްޖެއެވެ.

“ހީވާގޮތުން ޝެޑީ އޭނާއަށް ކޮށްދިން ހެޔޮކަމުގެ ބަދަލުގައި އިސްލާހްވާން ބުނެފަވެސް އެކަންތަ-”

“ޝުޝްޝް ” ހައިކަލް ދައްކަން ފެށި ޥާހަކައަކުން ސަދަފްއަށް ދެފަރާތައް ބޯހޫރުޥާލެވުނެވެ. ސަދަފް އިޝާރާތް ކޮށްލީ ފަހަތަށެވެ. އޭރު މަޖުދާގެ އާއިލާ އެތެރެއަށް ވަންނަ މަންޒަރުފެނި ހައިކަލްވެސް އިތުރަކަށް ވާހަކައެއް ނުދައްކައެވެ. އެމީހުންނަށް މަރްހަބާ ކިޔަން ޔޫވީން އުރާލައިގެން ހުރެ އެތެރެއަށް ދިޔައެވެ. ސަދަފް ވެސް ވިޝާމްއަށް ގުޅާލީ އަވަސްކުރަން ބުނަންވެގެންނެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓާ ، އެމީހުން ފަހަތުން އައި އިރަމްފެނި  ސަދަފްއަށް އިތުރު ފަރާތެއް ބަލައެއް ނުލެވުނެވެ. ކަޅުކުލައިގެ މެކްސީ އެ ދޮން ހަންގަނޑާއި ނުހަނު ގުޅެއެވެ. މިނިވަންކަމާއި އެކު ފަން އިސްތަށިކޮޅު ވަޔާއި ވިހުރެމުން ދިޔައިރު ބަލާ ބަލާ ފޫހިނުވާހާ ޗާލެވެ. ލުއި މޭކަޕެއް ކޮށްލާފައި ހުރި އިރު އިތުރަށް ފުރިހަމައެވެ.

“އޭތް ..އޭތް..އޭތް…ޝެޑީ” ސަދަފްއަށް ރެއަކާ ލާގޮތްވީ ވިޝާމް ގޮވާ ގޮވާ ވަރުބަލި ވީފަހުންނެވެ. ފޯނު ކަންފަތުގައި ޖަހައިގެން ޖަވާބެއް ނުދެވި ހުއްޓާ ވިޝާމް ފަހަތުން އައިސް އަތް ޖައްސާލީ އޭނާގެ ކޮނޑުގައެވެ. ވިޝާމް ފެނުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. ސަދަފް ބަލައިލީ އިރަމް ކޮބައިތޯއެވެ. އޭރު އޭނާގެ ހިލަމެއް ހިސާބުގައި ވެސް ނުވެއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ވިޝާމްއާއި ދިމާ ބަލައިލަމުން ބުމަ ހިއްލާލިއެވެ. ވިޝާމް ކިހިނެތްވީހޭ ސުޥާލް ކުރުމުން ކަމެއް ނުވާކަމަށް ބުނެ އެތެރެއަށް ވަނުމަށް ހިނގާށޭ ސަދަފް ބުންޏެވެ.

އަމީރާހުރި ކޮޓަރީގެ ތެރެއަށް ވަދެވުމާއި އެކު އިރަމްއަށް ހުއްޓެވުނެވެ. ”ވޯޙްހްހް.. އެމީ..”ތަނބިކައްޓާއި ހަމައަށް އަރާއި ލޭސްފޮތީގެ ފްލޯރަލް ހެދުމުގައި އަމީރާ ފެނުމުން އެންމެ ފުރަތަމަ ވެސް އިރަމްއަށް ބޭރުކޮށްލެވުނެވެ. އަނގަމަތީގައި އަތް އަޅާލައިގެން ހުރެ އަމީރާގެ ވަށައިގެން ދެތިން ބުރު ޖެހުނު އިރުވެސް އިރަމްގެ އަނގަހުރީ ހުޅުވިފައެވެ. ބަނޑާއި ހަމައަށް ހިމަ ބަންދެއް އިން އިރު އެހިމަ އުނަގަނޑަށް ހެދުން ހިފާލާފައިވާ ގޮތް އެހާ ފުރިހަމައަށެވެ. އަމީރާ އެއްވެސް މޭކަޕެއް ކުރާކަށް ބޭނުމެއް ނުވިއެވެ. ބުޅި އިސްތަށިކޮޅު ފަހަތައް ދޫކޮށްލާފައި އޭނާ އެދުނީ އަވަހަށް ދިޔުމަށެވެ.

“ނޯ ނޯ.. އެޓްލީސްޓް ކުޑަ ލިޕްސްޓިކް ކޮޅެއް ހާކާލަން ހިނގާ..” އަމީރާއަށް އެކޮޓަރީގެ ތެރެއިން ނުކުމެވުނީ އިރަމް އެދުނު ފަދައިން ކަންތައް ކޮށްގެންނެވެ. މަޖުދާ ގުޅަން ފެށުމުން ދެމީހުން އިތުރަށް މަޑުކުރާކަށް ނުހަދައެވެ. “އެމީ ފެނިފަ އެތަނުގައި ހުސް ކުއްޖަކު އިނިއްޔާ ޔަގީން ފޯލް ވާނެ.. ހާދަ ލޯބި އޭ.. މާޝާﷲ..” އިރަމްގެ އަނގައިން ތައުރީފްގެ ބަސްތައް ނުހުއްޓުނެވެ.

“ދެން އިރޫ ވެސް ދޯ.. އިރޫ މާ ލޯބި.. މާޝާﷲ.. ބަލާލަ މިއޮތް ފަންފަން އިސްތަށިކޮޅެއް ވެސް.. ހަމަ ހީވަނީ ފަށުވިކޮޅެއްހެން”

“ހޫމް ހޫމް ދެން އޯކޭއޭ..” އަމީރާ ތައުރީފް ކުރަން ފެށުމުން އިރަމް ޖަހައިލީ ހިނިގަނޑެކެވެ. ދެމީހުން އެތެރެއަށް ވަނުމުން އާމިލާ ނިކަން ލޯބިން އަމީރާއަށް ގޮވާލިއެވެ. އޭނާ އިޝާރާތް ކޮށްލީ އޭނާގެ ގާތައް ހުރި ގޮނޑިއަށެވެ. އެގޮނޑި ހުސްކޮން ހުރި އިރު އޭނާގެ އަނެއް ފަރާތުގައި އިނީ މަޖުދާއެވެ. އަމީރާއަށް ހުރެވުނީ ދާން ނުކެރިފައެވެ. އެންމެންގެ ނަޒަރު ހުއްޓިފައި ހުރުމުން ހިސާބަކަށް ލަދުވެސް ގަތެވެ. އެތަނުގައި މަދީ އިޔާންއާއި އަންނަން އެކިޔާ މީހުންނެވެ.

“އާދޭ ދޫނީ” މަޖުދާ ނިކަން ލޯބިން ގޮވާލިއެވެ. އަމީރާ ލަސް ހިނގުމުގައި ގޮސް އިށީންދެލީ އެގޮނޑީގައެވެ.

“އަޅޭ ހާދަ ލޯތްބޭ..  މާޝާﷲ” މަޖުދާއަށް އަމީރާގެ ކޮލުގައި ހިފައިނުލާ ނުހުރެވުނެވެ. އިސްތަށިގަނޑުގައިވެސް އިރުކޮޅަކާއިހެން ފިރުމާލައެވެ. އަމީރާ އުފާވިނަމަވެސް އިނީ ލަދުގަންނަ ގޮތްވެފައެވެ. ދުރުގައި ވިޝާމް އިނދެ ޒާތަކަށް ހޭތަން ފެނި ވަކިން ލަދުގަތެވެ. ” ވިޝާމް ސާރ ވެސް ހޭން ޖެހޭތަ މިގަޑީގަ.. ދެން ހާދަ ލަދުގަނެއޭ އެބަ”  އެފަދަ ހާލެއްގައި އިނދެވިޔަސް އަމީރާ ތުންފަތުގައި ވީ ފުޅާ ހިނިތުންވުމެކެވެ.

“އަހާން މިއޮތް އައީނު” އެންމެންގެ ސަމާލުކަން ހުއްޓިގެން ދިޔައީ ޒާޙިރްގެ އާއިލާއަށެވެ. އެހެން މީހުން ފަދައިން އޭނާ ވެސް ކޮޅަށް ތެދުވީ އެ އާއިލާއަށް މަރްހަބާ ކިއުމުގެ ގޮތުންނެވެ. އަމީރާއަށް ހުއްޓުމެއް އެރީ މެދުއުމުރު އަންހެންމީހާއާއި ފިރިހެންމީހާގެ ފަރާތުން ވަދެގެން އައި ޒުވާން އަންހެންކުއްޖާ ފެނިފައެވެ. އެއީ އޭނާއަށް އޮޅޭނެ ސޫރައެއް ނޫނެވެ. އަމީރާގެ ދެލޯ ބޮޑުވެގެން ދިޔައިރު ހީވީ މޫނުމައްޗަށް އަނދިރިވާން އުޅުނު ހެންނެވެ. ސިހުނު ވަރުން އެއްހަމައެއްގައި ފައިހަމަ ކުރަންވެސް ނުކުޅެދުނެވެ. އަމީރާއަށް ވެގެން ދިޔަ ގޮތް މަޖުދާއާއި އާމިލާއަކަށް ސިއްރެއް ނުވިއެވެ. ދެމީހުން ސިހިފައި އަމީރާގެ ގައިގާ ހިފެހެއްޓިއެވެ. ލޮލަށް ކަރުނު ޖަމާވަމުން ދިޔައިރު އަމީރާއަކަށް ވާހަކައެއް ވެސް ނުދެއްކުނެވެ. އެއީ އަމީޜާއަށް އޮޅޭނެ ސޫރައެއް ނޫނެވެ. ދުވަހަކު ވެސް ނޯޅޭނެއެވެ.

“ޒަ..ޒަން..ޒަންން” އަމީރާ އިސްއުފުލާލެވޭ ވަރުމުން ބުނެލި ޖުމްލަ ޒަންޔާގެ ކަންފަތައް ފޯރީ ހުވަފެނެއް ފަދައިންނެވެ. ތެޅިގަނެފައި އިސްއުފުލާލި ހިނދު ފެނުނު ސޫރައިން އޭނާއަށް ޖެހިލެވުނީ ފަހަތަށެވެ. “އެ..އެމީ..” ދެލޯ ފުރިގެން އައި ކަރުނުތަކާއި އެކުވެސް ޒަންޔާއަކަށް ގުޑިވެސް ނުލެވުނެވެ.

****

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު