“ލީވް މައި ޑޯޓާރ އެލޯން..މަށައް ހަދާ ގޮތެއް ދެން ހަދާ..” ޒެހެކްގެ ކާރު އޮބާލަންދެން ބަލަހައްޓައި ގެން ހުރި އަހުމަދު ހީވީ އެންމެ ފަހު ފަހަރަށް ޒެހެކްއަށް ބަލަމުންދިޔަ ހެންނެވެ. އެދެލޮލުގައި ބަބުޅަމުން ދިޔައީ ކަރުނައެވެ. އެ ކަރުނަތަކުގައި ހާސް ވޭން ހުއްޓެވެ.
***
ޖެހިގެން އައި ދުވަހަކީ ޒަހުރާންގެ ކައިވެނި ކުރެވޭ ދުވަހެވެ. ފަވާދުގެ އެދުމުގެ މަތިން އެ ކައިވެނި ކުރެވެން ހަމަޖެހިފައި އޮތީ އެގޭގައެވެ. ހެނދުނު ހެނދުނާހެން ފަވާދުގެ އާއިލާ ނޫރާގެ އާއިލާ އެގެއަށް އެއްތަން ވިއެވެ. ސާދުނާ ނެތް ތަންކޮޅު ރިއުނާއަށް އިހްސާސް ނުވާނެހެން ނޫރާ ހުރީ އަބަދުވެސް ރިއުނާގެ ގާތުގައެވެ. ޒަހުރާން އައި ރިއުނާގެ ހިތްތަކަށް އެންމެ ހަމަޖެހުން ގެނުވީ ދެމީހުންގެ ދެ ކުދިން އުޅުނުލެއް އެކުވެރިކަމުންނެވެ. ޔޫލީ އާއި ރާޔާ ހީވަނީ ދެބެން ހެންނެވެ. އަތުގުޅުވަލައިގެން ކޮންމެވެސް ސަކަރާތެއްގައި އަބަދުމެ އުޅު އިރު ދެކުދިންގެ މޫނުމަތިން ހިނިތުންވުން ނުފިލައެވެ.
މެންދުރު ކައިވެނި ކުރެވިގެން ދިޔައިރު ކައިވެނީގެ ހާއްސަ ވަލީމާ ހަވީރް އޮތެވެ. ޒަހުރާން އާއި ރިއުނާ ބޭނުންވި ފަދައިން ކައިވެނީގެ ހަފްލާއަށް އައީ ދެމީހުންގެ އާއިލާއާއި ރަހްމަތްތެރިން ނެވެ. ހަފްލާގެ ކަންތައް ނިމިގެން އެންމެންނަށް ގެޔަށް އާދެވުން އިރު އިޝާ ނަމާދަށް ގޮވައިފިއެވެ.
ޕާޓީގެ ކަންތައް ހަމަޔަކަށް އަޅުވާލުމަށް ފަހު ގެޔަށް އައި ޒަޔާން އާއި މިހްރާން ގޮސް މަޑުކޮށްލީ ނޫރާގެ އެޕާޓްމަންޓާއި ޖެހިގެން ކުރިމައްޗަށް ހުރި އެޕާޓްމަންޓްއަށެވެ. ކައިވެންޏަށްފަހު ޒަހުރާންގެ ދެމަފިރިން ދިރިއުޅެން ނޫރާވަނީ އެ އެޕާޓްމަންޓް ހަދިޔާކޮށްފައެވެ. ހާރިޒްގެ ހަދިޔާއަކަށް އޭނާ ހުރީ މުޅި އެޕާޓްމެންޓަށް އެންމެފަހުގެ ފަރުނީޗަރު ވައްދާފައި ނުހަނު ފުރިހަމައަށް ގެ ޖަރީކޮށްފައިއެވެ.
“ކޮބާ ކިހިނެތް ހަދާފަ ތިއައީ..”ހިނިއައިސް ހުރެ މިހުރާން އަހައިލީ އެ ތަނުން ނުކުމަތް މާނިއު ފެނިފައެވެ. މާނިއު އާއެކު ޒަހްރާންގެ ރައްޓެހިން ވެސް އެތަނުގައި ތިއްބެވެ. އެންމެންގެ މޫނުތައް މަތިން ފެނުނު ލާނެތް ކަމަކުން އެއައީ ކަމެއް ކޮށްފަކަން ދޭހަވެއެވެ.
“ހޫމް މާދަން ހެނދުނު އަހާނީ ދެން… މިދަނީ އެ ސޮރާ ދިމާކޮށްލަން” މާނިއު ނުބައި ގޮތަކަށް ހެމުން އެތަނުން ދިޔައެވެ.
“ޔަގީނޭ ރަނގަޅު ކަމެއް ކޮށްފަ ނޫން ކަން އެދަނީ..ހިނގާބަލަ ބަލައިލަން..” ޒަޔާން ވެސް ހޭން ފަށަމުން އެތެރެއަށް ވަންނަން އައި ވަގުތު ރިހާމް ގުޅަން ފެށުމުން ޒަޔާން ފޯނު ނެގިއެވެ.
“ޓެރެސްއަށް އާދެބަލާށޯ ދެމީހުން ” ފޯނު ކަނޑާލަމުން ޒަޔާން ބުނެލިއެވެ. އެވަގުތު އަނެއްކާ މިހުރާންއަށް ފޯނެއް އައެވެ. ނުދަންނަ ނަމްބަރެއް ކަމުން ނުނަގަން ހުރެހުރެފައި ތިންވަނަ ފަހަރު ގުޅުމުން ޒަޔާން އަށް ދައްކާލަމުން ކާކު ކަން އެނގޭތޯ އެހިއެވެ. ޒަޔާން ނޭނގޭ ކަމަށް ބުނެ ބޯ ހޫރާލުމުން މިހުރާން ފޯނު ނެގިއެވެ.
“މިހްރާންތަ..” އެކޮޅުން އިވުނީ އަކުރަމްގެ އަޑެވެ. ކުރިމަތިން ފެނުމުން ވާހަކަ ދައްކާ ހަދާ ނަމަވެސް އެގޮތައް އަކްރަމް އެގުޅީ އަދި އަލަށެވެ. ހިސާބަކަށް ހައިރާން ވެފައި މިހުރާން ލައްބައޭ ބުނެލިއެވެ.
“ބޭބެ އާއި ބައްދަލް ކޮށްލެވިދާނެތަ މިހާރު..ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އޮތީމަ” އަކްރަމްގެ ޖުމްލައިން އިރުކޮޅަކު ވިސްނާލުމަށް ފަހު އޯކޭ އޭ ބުނެ މިހުރާން ފޯނު ކަނޑައިލިއެވެ. އޭރު މިހުރާންގެ ނިތްކުރިއަށް ކުދި ރޫތަކެއް ވަނީ ޖަމާވެފައެވެ.
“ބްރޯ ކިހިނެތް ވީ… ކާކު ތަ އެ ގުޅި..” މިހްރާން ހުރިގޮތުން ޒަޔާން އަހައިލިއެވެ. އެގުޅީ އަކްރަމް އޭބުނުމުން ޒަޔާން ހައިރާން ވެގެން ބަލަހައްޓައިގެން ހުއްޓެވެ. ދެވަނަ ސިކުންތުގައި އެ ކީއްކުރަން ތޯ ވެސް އަހައިލިއެވެ.
“މްމްމް އެ އެއްޗެއް ހޯދަން..އަހަރުންގެ ގޭގަ އޯ އެހުރީ..އެބަ ޖޮއިން ވެލަން ތިމީހުންނާ.” އަކްރަމް ވާހަކައެއް ދައްކަންށޭ ބުނި ނަމަވެސް މިހްރާން ވިސްނާލަފައި ޒަޔާންއަށް އެތަންކޮޅު ސިއްރުކޮށްލިއެވެ. އޭރުން އަދި ޒަޔާންގެ ސުވާލްތައް ހުސްނުވާނެކަން މިހްރާން އަށް އެނގެއެވެ. ޒަޔާން ވެސް ބޯ ޖަހައިލާފައި ސިޑިއާއި ދިމާލަށް ދިޔުމުން މިހުރާން އެރީ ލިފްޓަށެވެ.
***
ޔަޒަން އާއި ނަވާރް ތިބީ ޓެރެސްގައެވެ. ޓެރެސްގެ އަނދިރި ހިސާބުގައި ހުރި ބީޗްޗެއާ ފާޑު ގޮނޑިއެއްގައި ޔަޒަން އިނީ ނަވާރް މެޔާލާ ބޮނޑިކޮށްލައި ގެންނެވެ. ލޯބީގެ ލުއި ހަދިޔާތައް ނަވާރްއަށް ޔަޒަންގެ ފަރާތުން ލިބެމުން ދިޔައިރު ނަވާރްގެ މޫނުމަތިން ފެނިގެންދަނީ ލަދުރަކި ލުއި ހިނިތުންވުކެވެ.
“ދެން.. މީހަކަށް ފެނިދާނެ..” ޔަޒަން މާބޮޑަށް ގާތްވާން ފެށުމުން ނަވާރް އިނީ މީހަކު އައިސްދާނެކަމުގެ ބިރުވެރިކަން ވެސް އުފެދިފައެވެ.. ނަމަވެސް މޫނުމަތީގައި ވި ހިނިތުންވުމަކަށް ބަދަލެއް ނައެވެ.
“އައި ޑޯންޓް ކެއާ…އައި ވޮނަ ގޯ ހޯމް..ކޮންއިރަކުން ތަ މަންމަ އަންނާނީ…” ނަވާރްގެ ގައިގާ ބައްދާލައިގެން އިނދެ ޔަޒަން ޖަހާލީ ހިނިގަނޑެކެވެ.
“ދެން މަންމަ އަޔަސް އައި ޑޯންޓް ކެއާ އޭ ތަ ބުނާނީ…މަންމަ ބުނި އިރުކޮޅަކުން އަންނާނަމޭ ..ކޮންމެ ވެސް ވާހަކަ އެއް ދައްކަންށޭ ބުނީ..އެހެން ބުނެފަ އޮއްވަ އައީމަ ތާ ވާނީ ދާން..” ޔަޒަން އާއި ކުޑަކޮން ދުރުވެލަމުން ނަވާރްގެ ހެދުން ރަނގަޅުކޮށްލިއެވެ.
“ޔެސް ޔެސް ލަވް.. މިއަދު ވެސް ޒެހޭ އާ ވާހަކަ ދެއްކޭ ގޮތެއް ނުވި ދޯ އަހަރެމެންނަކަށް..ވިލް ޓްރައި މާދަން ޑިއުޓީއަށް ގޮސް ވާހަކަ ދެއްކޭނެ ކަހަލަ ގޮތެއް ވޭތޯ..” ޔަޒަން ގޮނޑީގައި ހަމަޖެހިލަމުން ނަވާރްއާއި ދިމާ ބަލައިލިއެވެ.
ދެމީހުން ވާހަކައިގާ ތިއްބާ ރިހާމް އައެވެ. ރިހާމް އައުމުން ނަވާރް އިންތަނުން ތެދުވެ އެތަނުން ހުސް ގޮނޑިއެއްގައި އިށީންނެވެ. ރިހާމްގެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ފެންނަން ހުރުމުން ޔަޒަން އަށް ސުވާލް ކޮށް ނުލާ ނުހުރެވުނެވެ.
“ކަލޭ މާ ހިނި އައިސްފަ ހުރިހެން ހީވެއޭ.. ޖަވާހިރެއް ލިބުނީތަ. ” ޔަޒަން އަހައިލީ ދިމާކުރާ ފަދައަކުންނެވެ.
“ކުޑާ ބުނެގެންނު ތި ތިބެނީ..ކުޑާ އައީމަ ޖަވާބެއް ލިބޭނެ…” ރިހާމް ހިނިއައިސްފައި ހުރެ ޔަޒަންގެ ގާތުގައި އިށީންނެވެ. އެކި ވާހަކައިގާ ތިއްބާ ޒަޔާން ވެސް އައިސްފިއެވެ. މިހްރާން ނައުމުން ރިހާމް ސުވާލް ކޮށްލިއެވެ. ޒަޔާން ދިނީ މިހްރާން އޭނާއަށް ދިން ޖަވާބެވެ.
***
ރޭގައި ޒެހެކް އެގެޔަށް އައިކަން އަދި އެކަކަށް ވެސް ނޭނގެއެވެ. ޒަހުރާންގެ ކައިވެނީގެ ކަންތައް ނިމުމުން އެންމެންގެ ގާތުގައި ވާހަކަ ބުނަން ނޫރާގާތު ބުނީ ޒެހެކްއެވެ. ނޫރާގެ ބޯ ހުރިހާ ދިމާލަކަށް ލާ ހާސްކުރުވަން ޒެހެކް ވެސް ބޭނުން ނުވީއެވެ. އިތުރު މީހަކަށް ޝައްކުވެދާނެތީ އެރޭ އެގޭގައި ނުހުރެ ރަހުމާއަށް ގުޅައިގެން ރަހުމާގެ އެޕާޓްމަންޓްގައި ހުސްކޮން ހުރި ރިޝާންގެ ކޮޓަރިއަށް ޒެހެކް ގެންދިޔައީ ނޫރާއެވެ. ނޫރާމެންގެ ގޭގައި ބަހައްޓައިފިނަމަ އެންމެންނަށް އެކަން އެނގެން މާގިނައިރެއް ނުނަގާނެއެވެ. ޒެހެކް ފުރަތަމަ ލަދުން ހުރި ނަމަވެސް އެނޫން ގޮތެއް ވެސް ނެތުމުން އެހެން ހެދީއެވެ. ޒެހެކް އައުމުން ރަހްމާ ހުރީ އުފަލުން ފޮޅިފައެވެ. އެގެޔަށް ދިޔުމުން ރިހާމްއަށް ނޭނގި ނުހުންނާނެތާއެވެ. ރިހާމް އަށް ޒެހެކް ފެނުމުން ހުރީ ވަރުގަދަ ޝޮކެއްގައެވެ. ޒެހެކްއަށް ޖެހުނީ ވަގުތުން އަހުމަދު ކިޔައިދިން ވާހަކަތައް ކިޔާށޭވެ.
ޕާޓީއިން ނިމިގެން އައިގޮތައް ޒެހެކް އިނީ އެނދުގައި އިށީންދެލައިގެންނެވެ. ދިޔައިން ސުރެން އަހުމަދު ނުގުޅާތީ ޒެހެކް އިނީ ހާސްވާގޮތް ވެފައެވެ. އެންމެފަހުން އޭނާއަށް އަހުމަދު ގުޅީ ފުރަން އެއާޕޯޓަށް ގޮސްފައެވެ. އަހުމަދު ދިޔަފަހުން ސައުވީސް ގަޑިއިރު ފާއިތުވެގެން ދިޔައިރު އެއްވެސް ހަބަރެއް ނީވެއެވެ. ފޯނު އަތައް ލައިގެން ހަދާނެ ގޮތެއް ނޭނގިފައި އިންދާ ކޮޓަރީގެ ދޮރުގައި ޓަކި ޖެހި އަޑުއިވުމުން ޒެހެކް ގޮސް ދޮރު ހުޅުވާލިއެވެ.
“ޒެހޭ..ހިނގާބަ މައްޗަށް..ކުޑާ ބުނެގެން ނަވާމެން އެބަތިބި މަތީގަ މަޑުކޮށްގެން…މީ އެންމެ ރަނގަޅު ވަގުތު އެވާހަކަ ދައްކަން..” ކޮޓަރި ތެރެއަށް ވަދެގެންއައި ނޫރާގެ މޫނުމަތިން ލުއި ހިނިތުންވުމެއް ފެންނަން ހުއްޓެވެ.
އިރުކޮޅަކު ޒެހެކް ވިސްނާލުމަށް ފަހު ބޯޖަހައިލިއެވެ. ނޫރާގެ ފަހަތުން ނުކުން އިރު ވެސް ޒެހެކް އަށް ވިސްނެމުން ދިޔައީ އަހުމަދުއާއި ދޭތެރޭގައެވެ.
“ޒެހޭ..ކަމަކާއި ވިސްނަނީތަ.. “ނޫރާއަށް ޒެހެކްގެ މޫނުމަތީގެ ކުލަވަރުތައް ފެނި ސުވާލް ކޮށްލެވުނެވެ. ޕާޓީ ތެރޭގައި އުޅުނު އިރުވެސް ޒެހެކް އިރުކޮޅަކާއި ހާސްވެފައި ހުރެ ފޯނަށް ބެލިކަން ނޫރާއަށް ފާހަގަވިއެވެ.
“ކުޑާ..ބައްޕަ ދިޔަފަހުން ޓްވެންޓީ ފޯ އަވާސް ވީ އިރުވެސް ހަބަރެއް ނުވޭ..ހަދާނެ ގޮތެއް ނޭނގިފަ މިހުންނަނީ..”ޒެހެކް އެވަގުތު ވެސް މަސައްކަތްކުރީ ވައިބާ މެދުވެރިކޮން އަހުމަދާއި ގުޅުމަށެވެ.
“އޭން…އެއްވެސް ވަރަކަށް ހަބަރު ނުވޭތަ..” ނޫރާގެ މޫނުމަތިން ވެސް އޭރު ހިސާބެއްގެ ނުތަނަވަސްކަމެއް ފާޅުވާން ހުއްޓެވެ. ޒެހެކް ބޯޖަހައިލަމުން ހާސްކަމުގެ ނޭވާއެއް ދޫކޮށްލިއެވެ. ނޫރާ ވަގުތުން ހާރިޒްއަށް ގުޅާލައިފާ އެކަން ބަލައިދޭށޭ ބުނެލިއެވެ.
“ވަރަށް ވިއްސާރަ ކަމަށް ވަނީ އެކޮޅަށް … އެހެންވެ ކަންނޭގެ އެއުޅެނީ ހަބަރެއް ނުވެވިގެން.. ހާރިޒްބެވެސް އެކަމާއި އެބައުޅޭ މިހާރު… އަޅެ ހިނގާބަލަ ހެނދުނު ވަންދެން މަޑުކުރަން..ހީވަނީ އޭރަށް ވާން ވާއިރަށް ހަބަރެއް ވާނެހެން..”ފޯނު ބާއްވަމުން ނޫރާ ބުނެލުމާއެކު ޒެހެކް ވެސް އެގޮތާއި ރުހުނެވެ.ނަމަވެސް ޒެހެކްގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމަކަށް ބަދަލެއް ނާދެއެވެ.
ދެމީހުން އެކުގައި ޓެރެހަށް އެރިއިރު ހުރިހާ އެންމެން އެތާގައި ތިއްބެވެ. ރަހުމާއި އާއި މުނާޒް ވެސް ހެވިފައި ތިއްބެވެ. ޒެހެކް ބަލައިލި އިރަށް ރިހާމްވެސް ހީލައިގެން ހުއްޓެވެ. ޒަހްރާން ވެސް ރިއުނާއާއި އެކު އޭރު ޓެރެހަށް އަރައިގެން އަންނަތަން ފެނުނެވެ.
“ސިސް.. އަހަރެން ހީކުރީ ގެޔަށް ދިޔައީ ކަމަށް..”ޒެހެކް ފެނުމުން ނަވާރް ހުރީ ހައިރާންވެފައެވެ.
“މަންމަ ވާހަކަ އެއް ބުނަން ވެގެން ހުރިހާ ކުދިން ކައިރީގަ އަންނަން ބުނީ…”ޒެހްކްއަށް އެއްޗެއް ބުނެވެން ވާއިރަށް ނޫރާ ބުނެލިއެވެ.
ޔަޒަން އާއި ނަވާރް އެކަކު އަނެއްކަކުގެ މޫނަށް ބަލަހައްޓައިގެން ހުރީ މިވަނީ ކިހިނެތްހޭ އަހާ ފަދައަކުންނެވެ.
“ނަވާ..ޒަޔާން..ޒަހުރާން..ތިން ކުދިންގެ ބައްޕަގެ ފަރާތުގައި ހުރި ހަމައެކަނި ލޭގެ ގުޅުން މިއަދު މިހުރީ ދަރިފުޅުމެންގެ ކުރިމައްޗަށް ގެނެސް…ޒެހެކް..” ނޫރާ ބުނެލި ޖުމްލައިން މުޅިތަނަށް ހިމޭންކަން ވެރިވިއިރު އެކި މީހުންގެ މޫނުމަތިން ފެންނަންމުންދިޔައީ އެކި އަސަރެވެ. ރިހާމް އަދި ރަހްމާއާއި މުނާޒްގެ މޫނުމަތިން ފެނިގެން ދިޔަ ލުއި ހިނިތުންވުންތަކުން އެއީ އެމީހުން ނަށް އާ ހަބަރެއް ނޫންކަން ހާމަވެއެވެ. ޒަހްރާންގެ މޫނުމަތިން ވަރުގަދައަށް ޝޮކް ޖެހިފައި ހުރިކަން އެނގެއެވެ. ޒަޔާން އާއި ނަވާރްއާއި ޔަޒަން އެއްޗެއް ނުބުނެ ތިބި ނަމަވެސް ހައިރާން ކަމުގެ އަސަރެއް ނުފެނެއެވެ.
އެހާ ބޮޑަށް ޝައްކުވެގެން އުޅުނު ކަންތައް އެފަދަ ގޮތަކަށް ނޫރާ އައިސް ހާމަ ކޮށްލުމުން ނަވާރް ހުރީދެން ކުރަންވީ ކަމެއްވެސް ނޭނގިފައެވެ. ޔަޒަން ހިފައިގެން ހުރި އަތައް ބާރުކޮށް ލެވުނެވެ.
“ތިކުދިން ތިބި ގޮތުން ހިޔެއްނުވޭ އާ ހަބަރެއް ހެންނެއް..އެކަމަކު ޒަހްރާންއަށް އާ ހަބަރެއް މިއީ..” ހުރިހާ އެންމެ ހެން ތިބުމުން އަހުމަދު ކިއަދިން ފަދައިން ޒަކީންގެ މަރުގެ ވާހަކަ ނުބުނެ ޒަކީންގެ މަރަށް ފަހު އަހުމަދު އާއި ޒެހެކް ހުޅުމާލެއަށް ދިރިއުޅުން ބަދަލް ކުރުމުން ދިމާ ވާގޮތް ނުވި ވާހަކަ ނޫރާ ބުނެލިއެވެ.
ރިހާމްގެ ފުށުން ދިމާވެ ޒެހެކް ފެނުން އިރު ވެސް ނޭނގުނު ކަމާއި އިއްޔެ ޒެހެކްގެ ބައްޕަ އަހުމަދު ފެނި އެކަންތައް އެނގުނު ވާހަކަ ނޫރާ ބުނެލިއެވެ. އެތައް އަހަރަކަށްފަހު ދިމާ ވުމުން ޒެހެކް މިގެއަށް ދުވަސްކޮޅަކަށް ގެނަ ވާހަކަ ވެސް ނޫރާ ހާމަކޮށްލިއެވެ. ނޫރާގެ ވާހަކަ ގަބޫލް ނުކުރީ ނަވާރްއާއި ޔަޒަން އަދި ޒަޔާންއެވެ. ހާލަތުގެ ގޮތުން ޒެހެކްއާއި ސުވާލެއް ނުކުރެވުނަސް ފަހުން އަހަން ނިންމިއެވެ. ޒަހުރާންއާއި ޒަޔާން ވެސް ޒެހެކް ގެ ގައިގާ ބައްދާލައިގެން ހުރެ އެތައް އިރަކު ވާހަކަ ދެއްކިއެވެ. އެމީހުންގެ ގާތައް އާއިލާގެ ހައިސިއްޔަތުން އައުމުން އުފާވެފައި ވީ ވަރު އެންމެންގެ މޫނުތަކުން ހާމަވިއެވެ. ހުރިހާ އެންމެން ޒެހެކްއާއި ހެދި ލޯބިން އުޅުނުއިރު ޒެހެކް ހުރި ފެންކަޅި ވާގޮތް ވެފައެވެ. ހިނދުކޮޅަކަށް އަހުމަދުގެ މަތިން ވެސް ހަނދާން ނެތުނެވެ.
“ފައިނަލީ އައި މެޓް މައި ކަޒިން..” ހުރިހާ ބޮޑެތި މީހުން އެތައް އިރެއް ވަންދެން ވާހަކައިގައި ތިބެފައި ދިއުމުން ނަވާރް ދުވެލައިފާ ގޮސް ޒެހެކްގެ ގައިގާ ބައްދާލިއެވެ. އޭރު ނަވާރްގެ ލޯ ވެސް ހުރީ ފެންކަޅިވާ ގޮތްވެފައެވެ. ޒެހެކް އާއި ދެމީހުން ބައްދާލައިގެން އެތައް އިރެއް ވަންދެން ރޯން ތިއްބެވެ.ދެމީހުން ނުހުއްޓުމުން އެންމެފަހުން ރިހާމްއާއި ޔަޒަންވެގެން ދެ މީހުން ކޮށްލާފައި ރުއިން ހުއްޓުވޭތޯ އުޅެންފެށިއެވެ.
“އައި ނިއު އިޓް..އެންމެ ފުރަތަމަ ސުކޫލުން ފެނުން އިރުވެސް އެހެން ހުރިހާ އަންހެން ކުދިންނާ ވާހަކަ ނުދައްކާފަ ޒެހޭ އާއި ވާހަކަ ދެއްކުނީމަ ވެސް ހީވި ވަރަށް ގާތް ކުއްޖެއް ހެން.. ގާލް ފައިނަލީ އައިހޭޑް އަ ރީޒަން ޓް ފައިޓް ވިތް ހިމް..” ރިހާމްގެ މޫނަށް ބަލައިލަމުން ޒަޔާން ބުނެލިއިރު އޭނާގެ މަގުސަދަކަށް ވީ ރޮމުންދިޔަ ނަވާރްއާއި ޒެހެކް ހުއްޓުވުމެވެ. ދެމީހުން ރުއިން ހުއްޓުމަށްފަހު ހޭންފެށުމުން ޒަޔާންގާތައް ވެސް ހިނިއައެވެ.
“ކަލޭ ދެން މަށައް އަބަދު ބްލީ ކުރާނީ އެންނޫން.. މަ އިއްޔެ ރޭ ވެސް ތިމީހުންނާއި ޒެހޭ އާ މީޓް ކުރުވަން ނޫޅުނީ ކުޑާ ބުނި ވެޑިން ނިމުނީމަ އެންމެންގެ ކައިރީގަ އެއްކޮންނޭ ކިޔާނީ.. އެހެންވެ މިހުރީ ..އަހަރެމެންގެ ގޭގަ ރޭގަ ޒެހޭ ހުރީ ދޯ.. ” ޒެހެކް ގެނެސް ރިހާމްގެ ގަޔާއި ކައިރިކޮށްލިއެވެ.
“ދެންމެ މަންމަ އެބުނީނު ..ޒެހޭ އުޅުނީ ބައްޕަ އާއި އެއްކޮން ހުޅުމާލޭގައި އޭ… ވީ އޯލް ނޯ އެއީ ދޮގެއްކަން.. އެހެން ވީމަ އިތުރަށް ސިއްރު ނުކޮށް ޓެލް އަސް އެވްރީތިންގް.” ޔަޒަން ސީދާ ޒެހެކްގެ މޫނަށް ބަލައިލާފައި ސުވާލް ކޮށްލުމުން ޒެހެކް ދޫކޮށްލީ ފުންނޭވާއެކެވެ.
“ޔާ ..ހުރިހާ ބޮޑެތި މީހުން ތިބީމަ ކުޑާ އެގޮތައް އެބުނީ.. ވަކި ދޮގު ހަދާކަށް ނޫން.. ފުރަތަމަ ތިމީހުން ބުނެބަލަ..އާ ޔޫ ގައިޒް ޓްގެދާރ އިން ދިސް.” ޒެހެކް އަހައިލިއެވެ. ކުރިން އޭނާ ހީކޮށްގެން ހުރީ ޒަކީން އާއި އާނާގެ މަރުގެ ކޭސްގައި ޔަޒަން އާއި ނަވާރް އުޅުނީ އެކަނި ކަމަށެވެ. މިހާރު ރިހާމް އާއި ޒަޔާންގެ މޫނުތަކުން މިފެންނަ ކުލަވަރުން އޭނާހުރީ ޝައްކެއްގެ މަތީގައެވެ.
“ވީ އާ ޓްގެދާ..ސޮރީ ފޯ ނޮޓް ޓެލިންގް ޔޫ.” ރިހާމް ތުންފަތުގައި ދަތްއަޅާލައިގެން ހުރެ ޖަވާބު ދިން އިރު ކުށްވެރިކަމުގެ އަސަރްތަކެއް ވެސް ފެންނަން ހުއްޓެވެ.
“ބަލާ ..ބީއެފް އަށް ވެ ހުރެ… ދެރަ ވެއްޖެ ރިހާމް..” ، ” ސޮރީ ޒެހޭ.. ބުނަން މިހުރީ.. ބައެއް ކަންކަން އަދިވެސް ޔަގީން ނުވެ ހުރީމަ އަހަރެމެން ބުނީ ރިހާމްގެ ކައިރީގަ އިހަށް މަޑުކުރަން… މިހާރު މިވާ ގޮތުން މީޝަމްގެ ގާތުގައި ޒަޔާން ވެސް ވާނެ ބުނަން..އެހެންނޫނީ ކަމަކު ނުދާނެ..ނަވާގެ ފަރާތުން ޝީ އޯލްރެޑީ ނޯ އަލޮޓް.. އަހަރެމެން އެއްކޮން މިހެން އުޅެފަ އޭނަ ދުރުކޮށްލީމަ ކަމަކު ނުދާނެ.. މިހުރާން ވެސް އެބައުޅޭ ސޯ” ރިހާމްގެ ދިފާއުގައި ވާހަކަ ދައްކަމުން ޔަޒަން ބުނެލިއެވެ. ޔަޒަންގެ ވާހަކަ އެންމެން ވެސް އެކަމާ ތާއީދުކުރިއެވެ. ޒެހެކްގެ މޫނުން ވެސް ހިތްހަމަޖެހުން ފެނިލިއިރު މިހުރާން އޭ ބުނެލުމުން ސުވާލް އުފެދުނެވެ.
“މިހްރާން…އިޒް ހީ އޯލްސޯ އަ ޕާޓް އޮފް ދިސް..” ޒެހެކް ހައިރާންކަން މަތީގައި ހުރެ އަހައިލިއެވެ.
“ޔާ..އޭނަ ވެސް.. މިވަގުތު އޭނާ ނެތަސް އެއީ ވެސް އަހަރެމެންގެ ބައިވެރިއެއް.. އެހެންވެ ޒެހޭ ކައިރީގައި މިބުނަނީ އެނގޭ މިންވަރެއް ބުނެދޭން..އަހަރެމެންގެ ސައިޑުން ބުނަން ޖެހޭ އެއްޗިސް ވެސް ހުރީމަ..ޕްލީޒް ކަޒް” ޒަޔާން ވާހަކަ ދެއްކިއިރު އެ އަޑުގައި ވަނީ ސީރިއަސްކަމެވެ. ޒަޔާން “ކަޒް” އޭ ބުނެލި ހިނދު ޒެހެކްގެ މޫނުމަތިން އުފާވެރިކަމެއް ފެންނަން ހުއްޓެވެ.
ރިހާމްގެ މޫނަށް ޒެހެކް ބަލައިލި ހިނދު ރިހާމް ހިނިތުންވެލާފައި ބޯޖަހައިލުމުން ޒެހެކް، އަހުމަދު އެންމެ ފަހުން ދެއްކި ވާހަކަތައް ކިޔައިދޭން ފެށިއެވެ.
***
މިހްރާން ގޭތެރެއަށް ވަން އިރު ސިޓިންގްރޫމް ސޯފާގައި ޓީވީ ބަލަން ނަމްރާ އިން އިރު ކައިރީގައި ކޮލެޖް މަސައްކަތެއް ނިންމަން ނަޒުމް ވެސް އިނެވެ.
“ދަރިފުޅާ ހާދަ ލަހަކުން ތިއައީ.. ދަރިފުޅު އަންނަންދެން އެމީހުން އެބަތިބި މަންމަމެން ރޫމްގަ..” މިހްރާން އައިލެއް ލަސްކަމުން އެކަމާއި ނަމްރާއަށް ސަކުވާ ކޮށްލެވުނެވެ.
“ސޮރީ މަންމާ ލިފްޓް ހެޕެންޑް..މެއިންޓެނެންސް މީހުން އަދިވެސް އެ ރަނގަޅު ކުރާކަށް ނާދެ.. ކޮބާ މީއްކޮ..ޕާޓީން އައި ގޮތައް ނުވެސް ފެނޭ..” އެކޮޓަރިއަށް ވަންނަން ދަމުން މިހުރާން އަހައިލިއެވެ.
“އައި ގޮތައް ނިދާފަ އެބެއް ހެދުން ވެސް ބަދަލް ނުކޮށް.. ދެން ނުގޮވަން އެއޮތީ ނިދި ފިލައިގެން އުޅޭނެތީ.. މާދަން ޑިއުޓީ އެންނު..” ނަމްރާގެ ޖަވާބުން މިހްރާން ބޯޖަހައިލިއެވެ.
ނަމްރާގެ ކޮޓަރިއަށް ވަން މިހުރާން ފެނި އެތެރޭގައި ތިބި މީހުންގެ ނަޒަރް އޭނާއަށް ހުއްޓުނެވެ. މާޖިދު އާއި ހާރިޒް އަދި ފަވާދު އާއި އަކްރަމް ތިބިއިރު އެމީހުންގެ މޫނުމަތިން ކަމަކާއި ކަންބޮޑު ވެފައިވާ ކަން ހާމަވެއެވެ.
“ކިހިނެތް ވީ..ހާދަ ހާސްވެފަ” ފަހަރަކު މީހެއްގެ މޫނައް ބަލައިލި މިހުރާން ނުތަނަވަސް ވާ ގޮތް ވިއެވެ.އަނެއްކާ އޭނާއަށް ކަމެއް ކުރެވުނީބާއޭ ހިތައްވެސް އެރިއެވެ.އެންމެން ބަލަހައްޓައިގެން ތިބި ގޮތުން މިހުރާންއަށް ހަމަ ހީވީ ކުށްވެރިޔަކު ސަރީއަތުގެ މަޖިލީހަށް ހާޒިރުކޮށްފައިވީ ހެންނެވެ.
“މިހްރާން.. ބޭބެ އާއި އެއްކޮން ކެނެޑާއަށް ދާން ހިނގާބަލަ..” އަކްރަމްގެ ޖުމްލައިން މިހުރާންއަށް ހީވީ އޭނާއާއި ސަމާސާއެއް ކޮށްލީ ކަމަށެވެ.
“ބޭބޭ ތިހެން ބުނަންތަ..” އަކްރަމް ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއް އޭނާއާއި އެފަދަ ސަމާސާ އެއް ކޮށްލުމުން މިހްރާން އަށް ލޯ ކުޑަކޮށް ލައިގެން ހުރެ ހީލެވުނެވެ.
“މިހްރާން މިއީ ސަމާސާ އެއް ނޫން..މީ އަސްލު..ބޭބެ އާ އެއްކޮން މާދަމާގެ ފްލައިޓުން ދާން ހިނގާބަލަ.”އަކުރަމް ދެވަނަ ފަހަރަށް ބުނެލިއިރު އެއަޑުގައި ހުރި ސީރިއަސް ކަން މިހްރާންއަށް މިފަހަރު ނަގައިގަނެ ވިއްޖެއެވެ. މިހުރާންއަށް ކީކޭހޭ އަހައިލެވުނީ ތަންކޮޅެއް ބާރަށެވެ. ހައިރާން ކަމުން ފުރިގެންވާ ފަދައަކުން މިހުރާން ފަހަރަކު މީހެއްގެ މޫނައްބަލަމުން ދިޔައެވެ. މާޖިދު އާއި ދިމާ ބަލައިލެވުނު އިރު އޭނާ ބޯ ޖަހައިލިއެވެ. މާޖިދުގެ އެ އަމަލުން މިހުރާން އިތުރަށް ހައިރާން ވިއެވެ.
“މާފްކުރޭ ބޭބޭ…އަހަރެން ކިހިނެތް ދާނީ.. އެންމެފަހުން ބޭރަށް ގޮސްފަ އައިފަހުން ނެތް އެވަރަށް ސޭވް ވެފައެއް.. ޗުއްޓީ ލިބޭނެ ހެންނެއް ވެސް ހިއެއް ނުވޭ.. މިދުވަސްކޮޅު ޝިފްޓުގެ ވަރަށް ގިނަ ބަޔަކު ޗުއްޓީ ނަގައިގެން އުޅެނީ..ޗީފް އިންޗާޖް ވެސް މަނާކޮށްފަ އޮތީ ޗުއްޓީއަށް އެދެން ވެސް..” މިހުރާންގެ މޫނުމަތީގައި ވީ ނުތަނަވަސް ކަމެވެ. މިހުރާންގެ ޗީފް އިންޗާޖް އަކީ ކާކު ތޯ އެވަގުތު ފަވާދު އަހައިލިއެވެ. މިހުރާން ޖަވާބު ދިނުމުން ފަވާދުގެ މޫނުމަތިން ހިނިތުންވުމެއް ފެނިލިއެވެ.
“ސަލްމާން ތަ…އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް އެއީ..އެބަ ބަލައިލަން ގޮތެއް ވޭތޯ އެނގޭ..” ފަވާދު ފޯނު ހިފައިގެން ދުރަށް ޖެހިލިއެވެ. އިރުކޮޅެއް ފަހުން ފޯނުން ވާހަކަ ދައްކަން ހުރެފައި އައިސް އިޝާރާތް ކޮށްލީ މިހުރާންގެ ފޯނު ބެލުމަށެވެ. ނުތަނަވަސްވެފައި ހުރެ ޖިންސް ޖީބުގައި އޮތް ފޯނު ނެގިއިރު ސަލްމާންގެ މެސެޖެއް އައިސްފައި އޮތެވެ.
“އޮފިސާރ މިހްރާން .. މާދަމާ އިން ފެށިގެން ތިހުންނެވީ ތިރީސް ދުވަހުގެ ޗުއްޓީއެއްގަ..މާދަމާގެ ވަގުތެއްގައި ޗުއްޓި ޗިޓު ފޮނުވާލުމުން ސައިން ކޮށްލަންވާނެ ވީހާ އެންމެ އަވަހަކަށް..”ސަލްމާނުގެ މެސެޖް ކިޔާލި ހިނދު މިހުރާންއަށް ހުރެވުނީ ފާޑަކަށް އަނގަހަދައި ލައިގެންނެވެ.
“ކޮބާ އެއޮތް ހަމަ ޖެހުނީ ޗުއްޓީ.. ލާރި އާ ދޭތެރޭގަ ހާސް ނުވާތި.. ބޭބެ އެންނު ގެންދަނީ… މިހުރާން ތައްޔާރުވޭ އެއާޕޯޓަށް ދާން އަންނާނަން ބަލާ..ބޭބެ މިހުރާންއަށް ގެއްލުމެއް ދޭކަށް ނޫން އެނގޭ މިގެންދަނީ” މިހުރާންއަށް ވެފައި ހުރިގޮތުން އެސީރިއަސް ވަގުތުގައިވެސް އަކުރަމް ހުރީ ހިނިއަންނަ ގޮތްވެފައެވެ.
“އަސްލު ކީއްކުރަން އެކޮޅަށް ދަނީ..”މިހުރާން އަހައިލިއެވެ. އޭނާގެ މޫނުމަތިގައިވީ ސުވާލްމާކެވެ.
“ޔޫ ވިލް ނޯ އެވްރީތިންގް ވެން ޔޫ ގޯ ދެއާރް..ޑޯންޓް ޓެލް އެނީވަން އެބައުޓް ދިސް..އިޓްސް އަ ސީކްރެޓް..ނޯ މޯ ކްއެޝަންސް..ނައު އިޓްސް އިލެވެން..ގޯ އެންޑް ގެޓް ސަމް ސްލީޕް..” އަކުރަމް އެންމެފަހުގެ ބަސް އިއްވާލުމުން އިތުރަށް އެއްޗެއް ބުނާކަށް މިހުރާންއަކަށް ވެސް ނުކެރުނެވެ.
ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން އެކޮޓަރިން އޭނާ ނުކުމެގެން ގޮސް ވަނީ އަމިއްލަ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު އެނދުމައްޗަށް ޖެހިގަނެވުނު އިރު މީހާގެ ސިކުނޑި ވަނީ ހާސްވެފައެވެ. އެކި އެކި ހިޔާލްތަކުގައި ހުރެ ދަބަހެއް ނަގާ ދަތުރަށް ބޭނުން ވާނެ ސާމާނުތައް އަޅާލިއެވެ.
އެހެންހުއްޓާ އޭނާގެ ފޯނަށް ނޯޓިފިކޭޝަން އެއް އައެވެ.ފޯނު ބަލައިލި ހިނދު އޭނާ ދެލޯ ބޮޑުވިއެވެ.ފަންސާސް ހާސް އެމެރިކާ ޑޮލަރު އަކްރަމް އޭނާގެ ޑޮލަރު އެކައުންޓަށް ފޮނުވިއްޔެވެ. އަކުރަމްއަށް ގުޅި ހިނދު ފޯނު ބިޒީ ކޮށްލާފައި އިތުރަށް އެއްވެސް އެއްޗެއް ނުބުނުމަށް ބުނެ އަކުރަމް ވަގުތުން މެސެޖް ކޮށްލިއެވެ. ހިތްހަމަނުޖެހިފައި ހުރިނަމަވެސް މިފަހަރުވެސް އިތުރަށް އެއްޗެއް ބުނާކަށް މިހްރާންއަކަށް ނުކެރުނެވެ.
***
ޑިއުޓީއިން އައިސް އަސުރު ނަމާދު ކޮށްލައިގެން ނަވާރް އުޅުނީ ބަދިގޭގައެވެ. ގޭގައި ހުކުރު ދުވަހު ނަވާރް ތައްޔާރު ކުރި ފޮނި އެތި މީރުވެގެން ޔަޒަން އުޅުމުން ނަވާރް ބެލީ މިރޭ ކާގަޑި ޖެހުމުގެ ކުރިން އެ ހަދާލާ ނިންމާލެވޭ ތޯއެވެ. “އާވްވް…ކޭންޑްލް ޑިނާއެއް..ސަޅި ވާނެ.. ސަޕްރައިޒް އެއް ދޭންވީ..” ކައްކާ ނިމިގެން ތައްޔާރްކުރި ފޮނި އެތި ތައްޓަށް އަޅަން ހުއްޓައި އައި ހިޔާލަކުން ނަވާރްއަށް ނަށާލެވުނެވެ. ދެން ނަވާރް އުޅުނީ ޔަޒަންއަށް އެންމެ މީރުވާނޭ ގޮތައް ވައިޓް ސޯސް ސްޕެގެޓީ އާއި ސްޓީކް ފިހެލާށެވެ. އެ މަސައްކަތް ނިމުން އިރު އަށެއް ޖަހަން ހުރި ފަސްމިނެޓެވެ. އޭރު ޔަޒަން ވީ ޒަޔާން އާއި އެކު ބޭރަށް ގޮހެވެ.
“އޫޕްސް ގަޑި ދިޔަގޮތް ވެސް ނޭނގޭ.. ދާންވީ މި ގެންގޮސް ބެލްކޮނީ ރެޑީކޮށްލަން” އުފަލާއި ޖޯޝުގައި ހުރެ ނަވާރްއަށް ވާހަކަ ދެއްކުނީ ވެސް ފުދޭވަރަކަށް ބާރަށެވެ.
“މަށާތަ ތިވާހަކަ ދައްކަނީ..” ނަވާރް ސިހުނީ އޭނާއާއި ނުހަނު ކައިރިން ފިރިހެނަކު ވާހަކަ ދައްކާލި އަޑަށެވެ. ނަވާރް ފަސް އެނބުރި ބަލައިލިއިރު ފަހަތުގައި ހުރީ ނައުފަލްއެވެ. އޭނާ ފެނުމުން އެއީ ޝަހުރޫޒްގެ ހިދުމަތުގައި އުޅޭ ނައުފަލްކަން އެނގި ނުތަނަވަސް ވެފައި ހުރި ނަމަވެސް ނަވާރް ހީލިއެވެ. ނައުފަލްގެ ފަރާތުން ނުބައި އަމަލެއް ފެނިފައި ނުވާތީ އޭނާއާއި ދޭތެރޭގައި ގޯސްގޮތަކަށް އަދި ނަވާރްއަށް ވިސްނިފައި ނެތެވެ. އެހެންނަމަވެސް ޝަހުރޫޒްފަދަ ނުބައި ނުލަފާ މީހަކު ގެޔަށް ރަނގަޅު މީހަކު ނުގެންނާނެކަން އޭނާގެ ސިކުނޑި އާއި ހިތް އިއްތިފާގުވެއެވެ. ލާރާ ގެޔަށް ގެނައުންވެސް އެއީ އޭގެ ދިރިހުރި މިސާލެކެވެ.
“ނޫނޭ އެކަނި ހުރެ މި އަނގަ ތެޅެނީ..ހަހަހަ..” ނައުފަލް އެހާ ގާތުގައި ހުރުމުން ނަވާރްއަށް އުނދަގުވެގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ނަވާރްގެ އެއަމަލުން ނައުފަލް ސިއްރުވެރިގޮތަކަށް ހީލަމުން ބޯޖަހައިލިއެވެ.
“ސޮރީ .. އަހަރެން ވެސް ބޭބެ އަށް ފެންފުޅިއެއް ގެންދަން މިއައީ… ފްރިޖް ކައިރީގަ ހުރީމަ ތަންކޮޅެއް ގާތައް މިއާދެވުނީ..” ނައުފަލް މައުސޫމްވެލިއެވެ. ނޭގިނަމަވެސް ނަވާރްއަށް ހުރެވުނީ ފްރިޖްއާއި ނުހަނު ކައިރީގައެވެ. އެކަން ވިސްނި ވަގުތުން މާފަށްވެސް އެދުނެވެ. އެވަގުތު ނަފީސާ އައުމުން ނަވާރް އެދުނީ ތައްޓައް އަޅާފައި ހުރި ކާ ތަކެތި އޭނާއާއި އެކު ކޮޓަރިއަށް ގެންގޮސް ދިނުމަށެވެ. ހީލައިފާ ނަފީސާ އެކަމަށް އިޖާބަ ދިނެވެ. ނަފީސާ ސާމާނުތައް ހިފައިގެން މައްޗަށް އަރައިގެން ދިޔައެވެ. ނަވާރް ވެސް ފްރިޖުން ފެންފުޅިއެއް ނެގުމަށްފަހު ކާ މޭޒުމަތީގައި އޮތް އޭނާގެ ފޯނު ނަގާފައި ކޯޑު ޖަހައިލަމުން ޔަޒަންއަށް ގުޅައިލިއެވެ.
“ކޮބާ ކޮން އިރަކުން އަންނަނީ.. ބޭރަށް ގޮސްފިއްޔާ ކޫ ނާންނާނެ އަވަހަކަށް..” ޔަޒަން ފޯނު ނެގުމާއި އެކުހެން ނަވާރް ޝަކުވާކޮށްލިއެވެ. ނަމަވެސް މޫނުމަތިން ފެންނަން ހުރީ ލާނެތް ހިނިތުންވުމެކެވެ. ޔަޒަން ގެޔަށް އަންނާނީ އެންމެ އަވަހަށް އެފަދަ ގޮތަކަށެވެ. ޔަޒަން މަގްރިބް ނަމާދުކޮށްގެން ބޭރަށް ދިޔަ ގޮތައް ގެޔަށް ނާންނާތީވެ ނަވާރް ކަމެއް ކުރާކަމެއް ނޭނގޭނެއެވެ. ޔަޒަން މިހާރު މިދަނީއޭ ބުނެ ފޯނު ކަނޑައިލި ގޮތުން ހިނިއައިސްފައި ހުރެ ނަވާރް މޭޒުމަތީގައި އަލުން ފޯނު ބޭއްވިއެވެ. އެވަގުތު ބޭރުން މިލީނާ، ނަވާރްއަށް ގޮވައިލުމުން ފޯނު މަތިން ހަނދާން ނައްތާލައިފައި ނަވާރް ބޭރަށް ނުކުތެވެ.
ނަވާރް ނުކުންތަން ފެނި ނައުފަލްގެ މަކަރުވެރި ހިނިތުންވުން އިތުރަށް ފުންވިއެވެ. މޭޒުމަތީގައި ނަވާރް ބޭއްވި ފޯނައް ނައުފަލް ނަޒަރު ހުއްޓާލައިގެން ހުރީ ދަހިވެތިގޮތަކަށެވެ. ނައުފަލް އޭނާގެ ފޯނު ހާކާލަ ހާކާލައި ފެންފުޅިއެއް ހިފައިގެން އެ ބޯން ކަމަށް އެހުރިހާއިރު ހުރީ އެފަދަ ފުރުސަތަކަށް ބަލަބަލައެވެ. ޔަޒަންއަށް ގުޅުމަށް ނަވާރް ފޯނުނަގައި ކޯޑު ޖެހި ވަގުތު ނައުފަލް ހުރީ ފާރައަށެވެ.
ދޮރުކައިރިއަށް ގޮސް ބަލައިލިއިރު ނަވާރްގެ ހިލަމެއް ފެންނަން ނެތުން ނަވާރްގެ ފޯނުނަގައި ނައުފަލް އެއަށް ސޮފްޓްވެއާއެއް އަޅާލައި އޭނާގެ ފޯނާއި ކަނެކްޓް ކޮށްލިއެވެ. ދެވަނަ ސިކުންތުގައި ފޯނުގެ ލޮކް ސްކްރީނުން އެ އެޕްލިކޭޝަން ވެސް ނައުފަލް ފޮރުވާލިއެވެ. އެ މަސައްކަތް ނިންމާފައި ފޯނު ނުބޭއްވިގެން އުޅެނިކޮން ބަދިގެއަށް ވަދެގެން އައީ ޔަޒަންއެވެ. ވަގުތުން ނައުފަލްއަށް އަޑެއް ލައްވާލެވުނެވެ.
“ނައުފަލް ކީއްކުރަނީ ނަވާރްގެ ފޯނު ހިފައިގެން” ޔަޒަންއަށް ނިތްއަރުވާލެވުނެވެ.
“އެއީ ނަވާރް އެދިޔައީ މި ފޯނު ބާއްވާފަ…އެހެންވެ އެދޭން މިނުކުންނަނީ…މިލީނާ ދައްތަ ގޮވާލީމަ ނަވާރް އެނުކުތީ މިތާގަ ހުރެފަ..” ނިޔަނެތިކަމާއި އެކު ނައުފަލް ބުނެލި ޖުމްލަތައް ޔަޒަން ގަބޫލް ކުރިއެވެ. އެހެންހޭ ބުނެ ފޯނު ހިފައިގެން ކޮޓަރިއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ޔަޒަން ދިޔައިރު ނައުފަލްގެ މޫނުމައްޗަށް އިހު ހުރި ނުބައި ކުލަތައް ވެރިވެއްޖެއެވެ.
ޔަޒަން ކޮޓަރިއަށް ވަން އިރު މުޅިތަންވަނީ އަނދިރިކޮށްލައިފައެވެ. “ނަވާ…ނަވް..” ނަވާރްއަށް ގޮވަމުން ބެލްކޮންޏާއި ހިސާބަށް ދެވުނު ހިނދު އުއްބައްތީގެ އަލިއެޅިގެން ދިޔުމުން ޔަޒަންގެ ފިޔަވަޅު އަވަސްވިއެވެ.
“ސަޕްރާއީޒްޒްޒް” ބެލްކޮނީގެ ތެރެއަށް ޔަޒަން ވަނުމުން ނަވާރް ދުވެލައިފައި އައިސް ޔަޒަންގެ ގައިގާ ބައްދާލިއެވެ. ޔަޒަންގެ އަނގައިން ލުއި ހީލުމެއްގެ އަޑުއިވިލިއެވެ.
“ވޯހް….ވަޓް އަ ޕްލެސެންޓް ސަޕްރާއީޒް ..ވޯހް ވޯހް ސޯ ބިއުޓިފުލް” ބެލްކޮންޏަށް ނަޒަރު ހިންގާލި އިރު ޔަޒަންހުރީ އާޝޯހް ވާގޮތްވެފައެވެ. އެތާގައި އިންނަ ހުދު މޭޒުމަތީގައި ހުދުކުލައިގެ ލޭސް ފޮތި ތަކެއް ބޭނުންކޮށްގެން ނުހަނު ފުރިހަމައަށް ތައްޔާރުކޮށްލާފައި ހުއްޓެވެ. އޭގެ މަތީގައި ފެއަރީ ލައިޓްސް އާއި ހުދާއިރަތުގެ ފިނިފެންމާ ބޭނުން ކޮށްފައި ހުރިގޮތް ވެސް ނުހަނު ފުރިހަމައެވެ. ނުހަނު ފާޑުވެރި ގޮތަކަށް މޭޒުގެ މަތީގައި ކާން ތައްޔާރުކުރި ސާމާނުތައް އަތުރާލާފައި ހުއްޓެވެ.
“ޔެސް…ހިނގާބަ ކާން ..ވަރަށް ހަންގްރީ..” ފުރިހަމަ ހިނިތުންވުމެއްގައި ހުރެ ޔަޒަންގެ އަތުގައި ހިފައިގެން ގޮސް މޭޒުގެ ދެފަރާތުގައި ގޮނޑިތަކުގައި އިށީންނެވެ.
“އާހް..ފޭވްސް…ތޭންކިއު ސޯ މަޗް ބޭބީ..ދުލަކަށް ނައި ވޯޑް އެއް ވެސް.. ސޯ ހެޕީ..” ޔަޒަން ތައުރީފް ކުރަން ފެށުމުން ނަވާރް ލަދުގަންނަ ގޮތްވެ ޖަންބުކުލަ ފާއްދާލައިފިއެވެ.
“މައި ގާލް އިޒް ބްލަޝިންގް.. ހާދަ ލޯބިއޭ މިހެން ހުންނައިރު.. ” ނަވާރްގެ ދެކޮލުގައި ހިފާލަމުން ޔަޒަން ބުނެލި އިރު ލޯބިން ފުރިގެންވީފަދައަކުން ނަވާރްއާއި ދިމާ ބަލަހައްޓައިގެން އިނެވެ.
“ދޭންން..ހިނގާބަ..ކާން ފަށަން.. ޑޯންޓް ލުކް އެޓް މީ ވެން އަމް އީޓިން..އިޓްސް އަ ސްޓްރިކްޓް ލޯ..” ތުން ދަމައިލައިގެން އިނދެ ނަވާރް ބުނެލި ގޮތުން ޔަޒަން ގާތައް ހިނިއައިސް އިނދދެ ބޯޖަހައިލިއެވެ.
ދެމީހުން ތަފާތު ވާހަކައިގާ ތިބެ ކައި ނިންމާލާފައި ޖައްސާލީ ބެލްކޮނީގައިވާ ސޯފާގައެވެ. އެކަކު އަނެކަކުގެ އަތުތެރޭގައި ތިބި ދެމީހުންގެ މޫނުމަތިން ވެސް ފެނިގެން ދަނީ އުފާވެރިކަމެވެ.
“ހަމަ ހިތައްއެރީ އަންނަން ވާއިރަށް ކޭންޑްލް ޑިނާރ އެކޭ ރެޑީ ކޮށްލާނީ.. އެކަނި ނުތެޅެމޭ ..ނަފީސާ ވެސް ވަރަށް ހެލްޕް ކޮށްދިން..ދެން ކޫ ވެސް ދޯ” ނަވާރް މާ ބުރަކޮން އުޅެފާނެތީ ކަންބޮޑުވެގެން ޔަޒަން އުޅޭވަރުން ނަވާރްއަށް ކުސްތަޅައިލެވުނެވެ.
“ދެން ދޫނި ވަރުބަލިވެދާނެތީ އަހާލެވުނީ އޭ..ވަރަށް މީރު ހުރިހާ އެއްޗެއް ވެސް..” ޔަޒަން އިނދެފައި ބުނެލިގޮތުން ވަގުތުން ނަވާރް ތުން ދަމައިލައިއެވެ.
“ކޫ ތިހެން ޓްރީޓް ކުރާތީ މަށައް ހީވޭ މަ މީ ޕްރެގް މީހެކޭ ވެސް..” ނަވާރްގެ ޖުމްލައިން ލާނެތް ހިންޏެއް ހީލައިގެން ޔަޒަން އިނެވެ. “ނުސީދާކޮން ބޭބީ އެއް ބޭނުމޭ ތަ ތިބުނަނީ” ޔަޒަން ލާނެތް ކަމާއެކު ބުނެލި ޖުމްލައިން ނަވާރްގެ މޫނު ރަތްވިއެވެ.
“ދެންން…ތިއެއް ނޫނޭ..ރިހާމްބެ އާ މިހުރާންބެގެ ހަބަރެއް ނުވޭ މިއަދު..ވަރަށް ގުޅާފިން..އެންމެ ފަހުން އޮންލައިން ވެފަ އިނީވެސް އިއްޔެ”ލަދުގަތުމުން ވާހަކަ އޮޅުވާލި ނަމަވެސް މިހުރާންގެ ވާހަކަ ބުނިއިރު އެއަޑުގައި ނުތަނަވަސްކަންވިއެވެ. އެހެންޏާ މިހުރާން ހަބަރުނުވެ ނުހުންނާނެއެވެ.
“އާން ޒަޔާން ވެސް ކީ ތިހެން..މިހްރާން ފޯނު ނުނަގާ ވާހަކަ..އެގެޔަށް ދިޔައިރު ވެސް ދިމައެއް ނުވިއޯ..މީޝަމް އާއި ދެމީހުން އުޅެނީ ހަނގުރާމައިގަ..މީޝަމް ވެސް ފޯނު ނުނަގައިގެން އުޅޭ.. ރިހާމް މިރޭ ޑިއުޓީނު..އޭނާ ގޮސް ބުނި އެއްކަލަ ކަންތައްބަލާނަމޭ..އެހެންވެ އޭނާ ހަބަރެއް ނުވީ..ދޫނި ނުބަލަން ދޯ ގްރޫޕެއް” ޔަޒަން އަހައިލިއެވެ.
“ޔާހް މިއަދު ބިޒީ ކޮން އުޅުނީމަ ނުބެލުން..މިހުރާންބެ އަށް ކިހިނެތް ބާއެވީ..” ނަވާރްއަށް ދޫކޮށްލެވުނީ ފިނި ނޭވާއެކެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބެލާފައި ދަންވާން ފެށުމުން ދެމީހުން ކޮޓަރިއަށް ވަނެވެ.
****
“ކަލެއަށް ޔަގީން ތަ ޔަޒަންއަށް ޝައްކު ނުވާނެ ކަން” ޝަހުރޫޒްގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ނައުފަލް އާއި ޝަހުރޫޒް ތިބީ ނައުފަލްގެ ކޮޓަރީގައެވެ. ދޮރު ކައިރީގައި ލައްގަނެގެން މޫނު މާސްކަކުން މޫނު ފޮރުވައިގެން “ބޮސް”ހުރި އިރު އެ ނުރައްކާތެރި ދެލޯ ނޫން ތަނެއް ނުފެނެއެވެ.
“ލައްބަ ސާރ..ކަންކޮށް ނިމިގެން ބާއްވަނިކޮން އޭނައައީ..ރަނގަޅަށް ޑްރާމާ ޖައްސާލާފަ އޭނާ ފޮނުވާލީ..އެހެންނޫނަސް އެ ނަވާރް އެ ގަންނަގަނޑެއް އެނގޭނެ މިފަހަރު..” ނައުފަލް މަކަރުވެރި ކަމާއި އެކު ބުނެލި ޖުމްލަ ޝަހުރޫޒްއަށް ފަހުމް ނުވެގެން އޭނާ ނިތްއަރުވާލިއެވެ.
“ނައުފަލް އެބުނީ..ނަވާރްގެ ފޯނަށް ނައުފަލް މިރޭ އެ އެޅި ސޮފްޓްވެއާ އިން އޭނާގެ ފޯނަށް އަންނަ ކޮންމެ މެސެޖެއް ފެނި ކޮންމެ ކޯލްއެއްގެ އަޑު އަހަރެމެންނަށް އިވޭނެއޭ..” ޝަހުރޫޒްގެ މޫނަށް ބަލައިލަމުން ޖަވާބުދިނީ މޫނު ފޮރުވައިގެން ހުރި “ބޮސް”އެވެ.
ކުރިން ހުރި ނުތަނަވަސް ކަމުގެ ބަދަލުގައި މަކަރުވެރިކަމުގެ ކުލަތައް ޝަހުރޫޒްގެ މޫނަށް ޖަމާވާން މާގިނައިރެއް ނުނެގިއެވެ. އޭނާގެ ބާރު ހިނިގަނޑު ޖަހާލީ ލިބުނު ކާމިޔާބީއަކުން ހެން ހީވެއެވެ. “ބަރާބަރު.ދެން އެނގިދާނެތާ ދޯ އެ ގަންނަ ގަނޑެއް…ކޮބާ އެ ޝަރަފް އޭ ކިޔުނު މީހާ..” ޝަހްރޫޒް އަހައިލިއެވެ.
“އޭނާ ހުރީ ސާރ ބަހައްޓަން ބުނި ތާގަ..އޭނަގެ ފަރާތުން ގެއްލުމެއް ނެތް..ގާޑު ކޮށްފަ އޮންނާނީ މުޅި ތަން..އެހެން ކަމަކަށް ޝައްކު ވެގެން މިއުޅެނީ މިހާރު.. އަކުރަމް އާއި ފަވާދު މާ ވަރަކަށް ކެނެޑާއަށް މިދުވަސްކޮޅު ދަނީ.. މިއަދު އަނެއްކާ އަކުރަމް ގޮސްފި.. މި މަހު ވެސް ތިންވަނަ ބުރަށް އެދަނީ..އެމީހުން އެގަންނަ ގަނޑެއް ނުބަލާވާނެތަ ތިބެން” ނައުފަލް ބުނެލިއެވެ. އޭނާގެ އެވާހަކަތަކުން ޝަހުރޫޒްގެ މޫނުން އަސަރެއް ފާޅު ނުވިނަމަވެސް “ބޮސް”ގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެކެވެ.
“އެމީހުންގެ ވިއަފާރީގެ ގޮއްޕެއް އިނދޭ ކެނެޑާގަ..ރަހުމަތްތެރިންނެއްނު ތިކިޔަނީ ..ދެން ގޮސްފާނެ ދޯ..ތިކިޔާ ފަވާދުގެ ދަރިއެއް ވެސް އުޅޭ ކެނެޑާގަ..” ޝަހުރޫޒް ހަމަޖެހިލާފައި ބުނެލިއެވެ.
“ޔަގީންތަ ހަމަ ” ޔަގީން ކުރަން ބޭނުންވެފައި ވާ ފަދައަކުން ބޮސް ބުނެލިއެވެ. ޝަހުރޫޒް މިފަހަރު ޖަހައިލީ ބޮލެވެ.
***
އަކުރަމްއާއެކު މިހުރާން ކެނެޑާގެ ޓޮރޮންޓޯ ޕިއާސަން އިންޓާނޭޝަނަލް އެއާޕޯޓުން ނުކުން އިރު ޕްރައިވެޓް ވެހިކަލް ލައިންގައި އަކުރަމްމެންގެ އިންތިޒާރުގައި ކުރިންސުރެން އޮތް ކާރެއް ބަރުގޮނު އަޅާއިލިއެވެ. ދެމީހުންގޮސް ކާރަށް އެރުމާއި އެކު ޑްރައިވަރު ލަސްނުކޮށް ކާރު ދުއްވާލިއެވެ. ކާރަށް އެރިގޮތައް ޑްރައިވަރާއި އަކްރަމް ވާހަކަ އަޅުވާލިއެވެ. ހީވާ ގޮތުން އެއީ އަކުރަމް އާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.
ފިނިގަދަ ކަމުން މިހުރާން އިނީ ތުރުތުރުއަޅާ ގޮތް ވެފައެވެ.ކަޅުކުލައިގެ ބޯ ލެދާ ޖެކެޓުގައި ހުރި އޭގެ ހުޑުބައި އޮތީ ބޮލަށް މަހައިލާފައިއެވެ. ނިތްކުރި މައްޗަށް ދިގުކޮން ހުރި އިސްތަށިތައް ފައިބައި ފައި އޮތްގޮތުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެއާޕޯޓް ތެރެއިން ވެސް ޒުވާން އަންހެނުންގެ ބެލުންތަކާއި ކުރިމަތިލާން އޭނާއަށް ޖެހުމުން ހުރީވެސް ފޫހިވާ ގޮސްވެފައެވެ. މިހުރާން ކާރުގެ ކަހާލެވިފައިވާ ލޯގަނޑުން ބޭރު ބަލަމުން ދިޔަ އިރު ގަދައަށް ސްނޯ ވެހެމުން ދިޔައެވެ. އެ ބޯ ފިނީގައި ވެސް މީހުންތައް ކުލަކުލައިގެ ކޯޓު ތަކުގައި މަގުތައް މަތީގައި ހަރަކާތް ތެރި ވަމުން ދިޔައެވެ. މާލޭގެ މަގުތަކަށް ވުރެން ދެތިން ގުނައަށް ޓޮރޮންޓޯގެ މަގުތައް ބާރު ބޮޑެވެ. މިހުރާން އާޝޯހް ކަންމަތީގައި ބަލަމުން ދިޔަ ނަމަވެސް މިފެންނަ އާމަންޒަރުތަކުން މަޖާޥެސް ވިއެވެ.
އެމީހުންގެ މަންޒިލަށް ކާރު ފޯރީ ދުއްވާތާ ގަޑި އިރެއް ފަހުންނެވެ. ކާރުން ފޭބި މިހުރާން ހައިރާންވާ ގޮތް ވީ ކުރިމަތީގައި ހުރި ބޮޑު ހޮސްޕިޓަލް އިމާރާތްފެނިއެވެ. އޭނާއަށް އަކްރަމްއާއި ދިމާ ބަލައިލެވުނެވެ. މިހުރާން ހީކުރީ ފުރަތަމަ ދާނީ އެމީހުން ތިބެން ހަމަޖެހިފައި ވާ ގެޔަށް ކަމަށެވެ. އައުމުގެ ކުރިން އަކުރަމް ބުނެފައިވާ ގޮތުންނަމަ އެމީހުން ތިބެން ހަމަޖެހިފައިވަނީ ފަވާދުގެ ފިރިހެން ދަރިފުޅު ރުހާންގެ އާއިލާގެ ގާތުގައެވެ. އެއާޕޯޓުން ސީދާ ހޮސްޕިޓަލަށް އައުމުން ސުވާލް މިހުރާންއަށް ސުވާލްކޮށްލެވުނެވެ.
“ކޮއްކޯ..ހުރިހާ ސުވާލެއްގެ ޖަވާބު ވަރަށް ފަސޭހައިން ލިބޭނެ..ވަރަށް ބޮޑުކަމަކާ ކުރިމަތިލާން ތި ތައްޔާރު ވެވެނީ..ޔަގީން މިއަދަކީ މިހުރާންގެ ހަޔާތަށް އަންނާނެ އެންމެ ތޫފާނީ ދުވަސް.. އިތުރަށް މަޑުނުކޮށް ވަންނަމާ..” އަކުރަމް ދައްކަމުން ދިޔައެއްވެސް ވާހަކައެއް މިހުރާންއަކަށް ފަހުމްވާ ގޮތެއް ނުވިއެވެ. ނަމަވެސް އިތުރަށް ސުވާލް ނުކޮށް ވާނެ ގޮތެއް ވާން ދޫކޮށްލައިގެން އަކުރަމްގެ ފަހަތުން މިހުރާން ގޮސް ވަނީ ކުރިމަތީގައި ހުރި ވިއްސަކަށް ބުރީގެ “ޖޯން. އެސް.އައި ހޮސްޕިޓް”އަށެވެ.
ލިފްޓުން އަރައިގެން ސަތާރަ ވަނަ ފްލޯއަށް އެރި މިހުރާން ވަށައިގެން ބަލަމުން ދިޔައީ އެތަނުގެ ފުރިހަމަކަމުންނެވެ. އެވަގުތުވެސް ރާއްޖޭގެ ހޮސްޕިޓަލްތަކާއި މިހުރާންއަށް އަޅައިކިޔާލެވުނެވެ.
ލިފްޓުގައި އެ ފްލޯއަށްވަން އިރު އެ ފްލޯއަކީ ހުސް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ ކުރެވިފައިވާ ބައެކެވެ. އަކުރަމް ފޯނުނަގައި މީހަކަށް ގުޅައިލި ތާ މިނެޓްކޮޅެއްގެ ތެރޭގައި އެތަނަށް އައިސް ހުއްޓުނީ އަންހެން ޑޮކްޓާރެކެވެ. ކަޅުކުލައިގެ ބްރުގާގެ ތެރެއިން ވެސް އެ އަލި މޫނު ފާހަގަވިއެވެ. ހީލައިފާ ސަލާމް ކޮށްލި ގޮތުން ހިތްހެޔޮ ފަރާތެއްކަން މިހުރާން ނަގައިގަތެވެ. މިހުރާންއަށް އެ ކާކުކަން އަކުރަމް އޮޅުން ފިލުވާދިނެވެ. ރުހާންގެ އަންހެނުން ސަޖުވާ ކަން އެނގުމުން މިހުރާން ވެސް ހީލިއެވެ.
“ސަޖޫ..އަނެއްކާ ވެސް މިއާދެވުނީ.. ހިނގާ ދަމާ އަހަރެމެން ގޮވައިގެން..” އަކުރަމް ހީލި ނަމަވެސް އެމޫނުމަތީގައި ވަނީ ތަފާތު ކުލަވަރެކެވެ.
ސަޖުވާ އާއި އަކުރަމްގެ ފަހަތުން ހިނގާފައި ދިޔަ މިހްރާން ވެސް ސުވާލް ކުރުމެއްނެތި ދިޔައެވެ. ނަމަވެސް މިހުރާންގެ ހިތައް އެވަގުތު ވެސް އެތައް އެއްޗިސް އެއް އެއްފަހަރާ އަރާ ފައިބަމުން ދިޔައެވެ. ސަޖުވާ ގޮސް ކޮޓަރިއެއްގެ ދޮރު މައްޗަށް ހުއްޓި އަތުގައި އޮތް ކާޑުން ހުޅުވާލިއެވެ. ދޮރު ހުޅުވުނު ހިނދު ސަޖުވާ އެތެރެއަށް ވަނުމުން އަކުރަމް ވެސް ވަނެވެ. ނަމަވެސް މިހުރާންއަށް ހަދަން ވީ ގޮތެއް ނޭގި ހުރެވުނެވެ.
“ކަމް އިންސައިޑް.. ޔޫ ހޭވް ޓް ފޭސް އިޓް.” އަކްރަމް މިހުރާންގެ އަތުގައި ހިފައިލަމުން އެތެރެއަށް ވަންނަން ބުނެލިއެވެ. ނަމަވެސް ގޮތްނޭނގޭ ސަބަބު ތަކަކާއި މިހުރާން ދިޔައީ ފިނި ވަމުންނެވެ. ފާޑެއްގެ ތުރުތުރެއް ވެސް އަޅަމުން ދިޔައެވެ. އޭނާއަށް އަންނަމުންދިޔަ ބަދަލް ތަކާއި ހުރެ ހައިރާން ވެފައިވާ ހާލު މިހުރާން އެތެރެއަށް ވަނެވެ. އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ފެނިގެން ދިޔަ މަންޒަރަކުން މިހުރާންއަށް ހީވީ ފައިދަށުން ބިންގަނޑު ގަނބައިގެން ދިޔަހެންނެވެ. މޫނުމައްޗަށް އަނދިވެ ހުރި ތަނަށް ވެއްޓެން ދިޔައިރު އަކުރަމް މާ ކުރިން ސުރެން އެކަމަށް ތައްޔާރުވެގެން ހުރުމުން ހިފެހެއްޓިއެވެ.
***
(ނުނިމޭ)