ތެމި ވާރޭގާ ވީމޭ 20 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 20

ޕާޓީގެ ހުރިހާ ކަމެއް ނިމޭ ވަރު ވީ އެކެއް ވެސް ޖަހަން އުޅެނިކޮންނެވެ. މާ ބޮޑަށް ލަސްވާން ފެށުމުން ނަވާރް އަށް މެސެޖެއް ކޮށްލާފައި ރިހާމްއާއި މިހުރާން އާއެކު ކޮފީ އެއް ބޯލައިގެން ޔަޒަން ގެޔަށް ދިޔައެވެ.

***

ނަވާރް ތައްޔާރް ވަމުން ދިޔައީ ޔަޒަން އާއެކު ބޭރަށް ދިޔުމަށެވެ. ފަހެއް ޖަހަން ފަނަރަ ވަރަކަށް މިނެޓްއަށް ވީ ފަހުން ނަވާރް ތައްޔާރްވެގެން ލޯގަނޑު ދޮށުގައި ހުއްޓިލިއެވެ. މަޑު ފިޔާތޮށިކުލައިގެ ހެދުން ކޮޅަކާއި ހުދުކުލައިގެ ޖިންސްގައި ނުހަނު ރީއްޗެވެ. އިސްތަށިގަނޑުގައި ވޫލް ކޮޅެއް އައްސާލައިފައި އޮތީ އެއްފަރާތުން ކޮނޑުމައްޗަށް ގެނެސްފައެވެ. މޭކަޕެއް ނެތް ނަމަވެސް މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކަކުން ތުންފަތް ފަވާލާފައި ވުމުން ތަފާތު ގޮތެއް ހުއްޓެވެ. ހިތްފުރެންދެން ސެންޓް ޖަހާލުމަށް ފަހު އަތްދަބަސް ހިފައިގެން ނަވާރް ސިޓިންގްރޫމަށް ނުކުން އިރު ހުޅުވާލައިފާ ހުރި ކުޑަދޮރުން ވާރޭވެހޭ މަންޒަރު ފެނުނެވެ. އޭރު ނޫރާ އާއި ހާރިޒް ވެސް ޔޫލީ އާއި ވިއާން ގޮވައިގެން ބޭރަށް ދިޔުމަށް ތައްޔާރުވެގެން ނުކުމެފައި ތިއްބެވެ.

“ހަމަ ނުކުތީ އެވެހެން ފެށީ… ކާރުގަ ކަންނޭގެ ދެން ދާންޖެހޭނީ .. ދަރިފުޅު ކޮންތާކަށް ” ނޫރާ ވެސް ކުޑަ ދޮރު ކައިރިޔަށް ހުއްޓިލިއެވެ.

“ދެން ނަވާ ދާނީ ކާކާ އެއްކު ތަ.. އަހަރެމެން ނަވާ ވެސް ބޮޑުވެއްޖެޔޭ..” ނަވާރް ޖަވާބު ދޭން ވާއިރަށް ހާރިޒް ނަވާރްއާއި ދިމާކޮށްލިއެވެ. ނަވާރް ގާތައް ހިނިއައިސްފައި ހުރެ މިދަނީ ޔަޒަން އާއެކު އޭ ބުނެލިއެވެ.

“ދަރިފުޅު ނުވެސް ބުނަމެންނު.. މިލީ ބުނި ޔަޒަން އިއްޔެ ފޯމް ލައިފިއޭ.. ” ނޫރާ ޝަކުވާ ކޮށްލިއެވެ. ނަޥާރް ވަގުތުން އޭނާ ކައިރީގަ ވެސް ޔަޒަން ބުނީ ރޭގައި ކަމަށް ބުނެލިއެވެ. ޔަޒަން ގުޅާތަން ފެނި އައިސް އެވާހަކަ ކިޔާނަމޭ ބުނެ ނަވާރް ނުކުމަތެވެ. ނަވާރް ތިރިޔަށް ފޭބިއިރު ޔަޒަން ކުޑަ ހިފައިގެން ހުއްޓެވެ.

ދެމީހުން ކާރަށް އަރައިގެން ގޮސް ވަނީ މޭރީ ބްރައުންގެ އަށެވެ. އެންމެ މައްޗަށް އަރާފައި ކާއެއްޗިހި ހިފައިގެން އެއްފަރާތު ކަނެއްގައި އިއްތާލީ އެ ހިސާބުގައި މީހުން މަދުވީމައެވެ. “މަ އިއްޔެ ރިހާމް އާއި ޒަޔާން އާއެއްކޮން ގޮސް ފޯމް ލީ … އެތާގަ ހުއްޓަ ބޭބެއާއި ދިމާވީ .. ދެން އެގަޑީގަ ފޯމް ލާ ވާހަކަ ބުނިން ..ކުރިން ވެސް އަހަރެން ބުނިން ކުޑަކޮންކުރާ ކަމެކޭ މީ.. ދެން ޑިއުޓީ ނިންމާ ގެޔަށް ދިޔަތަނާ ހާރިޒްބެ އާއި މަންމަ އާއި ބޭބެ ތިބި ވަރަށް ހިނިއައިސްފަ.. ބޭބެ ބުނީ ދަރުބާރުގެ ރެންޓަށް ނަގައިފީމޯ.. ކޭޓަރިންގެ ސާވިސް އާއި ޑެކޮރޭޝަންއަށް ވެސް ހަވާލް ކޮށްފީމޯ.. މަ ބުނީ މެންނު އެމީހުން ދުލެއް ނުދޭނެއޭ..” ޔަޒަން ފެން ފޮދެއް ބޯލަމުން ބުނެލިއެވެ. ނަވާރް ވެސް ދެލޯ ބޮޑުކޮށްލައިގެން އިނެވެ. ދެވަނަ ސިކުންތުގައި ހިނިވެސް އައެވެ.

“އަހަރެން އަދި ތި އެއްވެސް ކަމަކާ ނުވެސް ވިސްނަން.. އަސްލު އެގްރީމެންޓް ހަދާފަ ކުރާ ވެޑިންގް އެއްވީމާ  ކޮބާ ޔޫސް އެއް ވެސް..އެންޑް އެގްރީމެންޓް ކަންތައް ކިހިނެތް އޮތީ” ނަވާރް އެހެން ބުނެލި ކަމުގައި ވީނަމަވެސް އެހުރިހާ ކަމަކާ އެތެރެއިން އޭނާ އިނީ އުފަލުން ފޮޅިފައެވެ.

“ނޯ..ނޯ.. މަ އެއްވެސް ފަހަރަކު ނުބުނަން އެގްރީމެންޓް އެއްގެ ވާހަކަ އެއް ކުއްޖާ.. އިން އިސްލާމް އެ ކަހަލަ ވެޑިން ސައްހަ އެއް ނުވާނެ..އަހަންނަކީ ދީނީ އިލްމުވެރިއެއް ނޫން އެކަމަކު އެވަރް އެނގޭ.. އެހެން ވީ މަ މި ކައިވެނި މީ ސައްހަ ކައިވެންޏެއް .. އެއްވެސް އެގްރީމެންޓެއް ނޯންނާނެ.. އިޓްސް ލައިކް އެރޭންޖް މެރިއޭޖް.. އިޓްސް ފޯރް ޔުއާރ ސޭފްޓީ..ނަވާރް.. މިހާރު މަށައް ޔުއާރ ސޭފްޓީ އިޒް އެވްރީތިންގް.. ހުރިހާ ހަގީގަތެއް އެނގުނީމަ ވެސް އަހަރެން ނުބުނާނަން އަހަރެން ވަރި ކުރާނަމޭ ކޭ.. އެކަމަކު ކުރިން ބުނިހެން ނަވާރް ބޭނުންވަންޏާ ކޮށްދޭނަން .. އެހެންނޫނަސް ކާކަށް އެނގޭނީ އެހިސާބަށް ދާ އިރު އަހަރެމެން ދެމީޙުން ފޯލް ނުވާނެ ކަމެއް ވެސް..” ވާހަކަ ދައްކަމުން ގޮސް ޔަޒަން އެންމެ ފަހު ޖުމްލަ ބުނެލިއިރު އެއަޑުގައިވަނީ ތަފާތު އަސަރެކެވެ. ދެވަނަ ސިކުންތުގައި ލާނެތްގޮތަކަށް ހީލިއެވެ.

ކޯކްތަށީގައި ތުންޖަހައިގެން އިން ނަވާރް، ޔަޒަންގެ ޖުމްލައިން ދިޔައީ ކޮށިއަރައިގެންނެވެ. އެތައް އިރަކުން ކެއްސުމަށް ފަހު ހަމަޔަކަށް އެޅުނީ ޔަޒަން އައިސް ނަޥާރްގެ ބުރަކަށީގައި ޖަހައި ލުމުންނެވެ. އޭރު އެހެން މޭޒުތަކުގައި ތިބި މީހުން ބަލާތަން ފެނި ލަދުން ނަވާރްއަށް އިސްޖަހައިލެވުނެވެ. “ޔޫ ފްލާޓިން މީ..” ނަވާރް މަޑުމަޑުން ބުނެލިއެވެ.

ނަޥާރްއަށް ވީ ވަރު ފެނި ނުހޭން އިން ނަމަވެސް ޔަޒަން އަށް ހެވުނެވެ. ” ނޫނޭ ތިމީހުން ބަލާ ފިލްމް ތަކުގައި ވެސް ވެޔެއްނު އެހެން .. އެނީވޭސް.. މީ ރިއަލް ލައިފް .. ސޯ އެގްރީމެންޓް އޭ ނުކިޔައްޗޭ ދެން.. އެރޭވެސް މަ އެގްރީމެންޓެއްގެ ވާހަކަ ނަންވެސް ނުގަންނަން.. އަދި އެއްވާހަކަ އިއްޔެ ކިހިނެތް ވީ..” ޔަޒަން ބުމަ ހިއްލައިލަމުން އަހައިލިއެވެ.

ވަގުތުން ނަވާރް ކަމެއް ނުވެއޭ ބުނެލިއެވެ. “އަނެއްހެން ކަމެއް ނުވޭ އެ.. ކުޑަކޮން ނިދިއައިސްފަ ހުރީމަ ކަންނޭގެ އެ.. ވާހަކައެއް އަހާލަންތަ …އަހަރެން އިންނަން އެއްބަސް ވީ ލާރާ އާއި އެއްވެސް ގުޅުމެއް ނެތޭ ބުނީމަ…އެކަން އެނގޭނު…އަދިވެސް ޔަގީންކޮށްލަން ބޭނުން.. އޭނާ އާއި އެއްވެސް ގުޅުމެއް ނެތް ދޯ.. އެރޭންޖެ މެރިޖް އެއް ވިޔަސް އަހަރެން ބޭނުމެއްނޫން ބަޔެއްގެ ދޭތެރެއަށް ވަންނާނަކަށް..އެއީ ބޮޑު ބޮލު ރިހުމަކަށް ވާނީ.. ހީކުރަން ލޯބިވެގެން އިންނަބަޔަކަށް ނުވިއަސް މެރީ ކުރުމަށްފަހުވެސް އިތުރު އަންހެނަކު ލައިފްއަށް ނުގެންނާނެ ކަމަށް.. ލޯބިވާ މީހަކު ފެނިއްޖެއްޔާ ބުނެލާ އަހަރެން އަމިއްލައަށް ދާނަން… ތިންވަނަ މީހެއްގެ ދައުރު އަދާކުރާކަށް ބޭނުމެއްނޫން..އިޒް ދެޓް ކްލިއާރ” ނަވާރް މަޑުމަޑުން ބުނެލިނަމަވެސް އެއަޑުގައި ހުރި ސީރިޔަސް ކަމެއް ޔަޒަން އަކަށް ނޯޅޫނެވެ.

“ކަމޯން ..ނަވާރްގެ ކުޑަބެއަށް އެނގޭނެ އަހަރެންގެ ގޮތް ވަރަށް ރަނގަޅަށް .. ދިހަ އަހަރަށް ވުރެން ގިނަ ދުވަސްވީ މިހާރު އޭނާ ދިޔަ ފަހުން .. އެހެން އަންހެނަކަށް ޖާގަ ދިނަސް އޭނަ އަކަށް ނުދޭނަން .. އަހަރެން އަދި ފަހުން ކިއާ ދޭނަން އޭނަގެ ކަންތައް ..މިއަދު މިއައީ އެހެން ވާހަކައެއް ދައްކާކަށް ނު ދޯ.. އެންޑް ޔާ އަހަންނަކީ އެހާ ނުވިސްނޭ މީހެއްނޫނޭ .. އައި ޕްރޮމިސް އެކަހަލަ ކަމެއް ނުވާނެ” ޔަޒަން ހީލަމުން ޖަވާބުދިނެވެ. ލާރާގެ ވާހަކަ ނަވާރް އެހުމުން ޔަޒަންގެ ހިތައް ތަފާތު އެތައް ސުވާލްތަކެއް އަރަމުން ދިޔައެވެ. ނަމަވެސް ދުލާ ހަމައަށް  ލާރާގެ ނަން ވެސް ގެންނަން އޭނާގެ ޒަމީރް މުޅިން ދެކޮޅެވެ.

“ނަވާރް ބޭނުން ވޭތަ ވަކި ގޮތަކަށް ގެންދަން ވެޑިން .. އެއްވެސް ބަދަލެއް ގެންނަން ..” ޔަޒަން އަހައިލިއެވެ. ނަވާރް ވަގުތުން މިގޮތް އޯކޭ އޭބުނެ ހީލިއެވެ.

“މެރީ ކުރުމަށްފަހު ދެމީހުންގެ ޝިފްޓް ބަދަލް ވާނެ އެންނު.. “ކައިވެންޏަށް އާބަސް ބުނި ހިސާބުން ނަވާރްގެ ހިތައް އުނދަގު ކުރަމުން ދިޔަ ސުވާލް ނަވާރް ކޮށްލިއެވެ.

“ތި ވާހަކަ ރޭ ފަވާދް އަށް ގުޅާގެން ގޮސް ދެއްކީ.. އޭނާ މަ ކައިރީގަ ބުނި އަހަރެމެން ޔުނިޓް ނޭމްކޯޑް މާޑާ ކޭސް އަށް ނަގާ ވާހަކަ އެ މީޓީންގެ ކުރިން ވެސް… އޭނާ ސީޕީ އާއި ވާހަކަ ދައްކައިގެން ހަމަ ޖައްސާފަ އޮތީ އެ ކޭސް ނިމެދެން ސޭމް ޔުނިޓްގަ ބައި ތިއްބަން މެރީ ކުރުމަށްފަހު ވެސް.. ލާރާ އާއި ހިލްމީ އަށް ތިބެވެންޏާ ކީއްވެ ވަކި އަހަރެމެންނަށް ނުތިބެވެން ވީ..ކޭސް ނިމުނަސް އެމީހުން ތިބެންޔާ އަހަރެމެން ދެމީޙުންނަށް ވެސް ތިބެވޭނެ” ޔަޒަން ނުހަނު ހަމަޖެހިލާފައި އިނދެ ކަމުން ދިޔައެވެ.

ޔަޒަން އެބުނި އެއްޗެއް ފަހުމް ނުވެގެން ނަވާރް ހައިރާންކަންމަތީގައި ބަލަން ފެށުމުން ލާރާ އަކީ ހިލްމީގެ ދަރިއެކޭ ޔަޒަން ބުނެލިއެވެ. ނަވާރް ކުރިޔަށް ވުރެން ބޮޑަށް ހައިރާން ވިއެވެ. އެއީ އަދި ނަވާރްއަށް މުޅިން އާ ހަބަރެކެވެ.

***

ނޫރާ އޮތީ ފުން ވިސްނުމެއްގައެވެ. އެނދުގެ އެއްފަރާތަކަށް އެނބުރިގެން އޮތް އިރު ހާރިޒް އައި ކަމެއް ވެސް ނޭނގުނެވެ. ހާރިޒް ނޫރާގެ ގާތުގައި އޮއްތާލާފައި ކޮއްޓާލިއެވެ.

“ނޫ..ކޮން ހިޔާލެއްގަ.. އަހަރެން ހާދަ ވަރަކަށް ގޮވާފީމޭ.. މިރޭ ޔޫއްކޮ އާ ވިއާން ރަނގަޅަށް ކެއި ތަ ..” ހާރިޒްގެ ސުވާލަށް ނޫރާ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.

“މި ވިސްނަނީ ޒަހްރާން އާ ދޭތެރޭގަ..އަލާނާ ހަދާފަ ދިޔަގޮތުން ބަލާ އެ ކުއްޖާ އައި ބަދަލް.. ކުރިން އަބަދު މަޖަލުގަ އުޅުނު ދަރިއެއް.. އެމޫނުމަތިން ހިނިތުން ވުމެއްގެ އަސަރްވެސް މިހާރް ފެންނަނީ ޔޫލީ އާއެކު ހުންނަ ވަގުތު އެކަނި.. ދަންވަރަށް ވެސް ނުނިދިގެން ކަންނޭގެ… ކިތަންމެ ރެއަކު ފެނިއްޖެ އެކަނިމާއެކު ބެލްކޮނީގަ އިނދެ ރޯތަން .. ހާދަ ދެރަ ވެއޭ އެކުއްޖާ އެއުޅޭ ހާލުން ..” އެ ހިސާބަށް ބުނެވެން ވާއިރަށް ނޫރާއަށް ރޮވިއްޖެއެވެ. ހާރިޒްވެސް ދެރަވެގެން ނޫރާ ގެނެސް މޭގައި ލައްކޮށްލިއެވެ.

“ނޫ..އަހަރެމެން ނަމަވެސް އެފަދަ ގޮތެއް ވާނީ.. ޒަހުރާން އަށް މިހާރު ބޭނުންވާނީ އަހަރެމެން ލޯބި.. ދެން އޭނާގެ ހިތި މާޒީ އެނގި އެކަންތައް ހަނދާނުން ނައްތާލަން އެހީވެދޭނެ ފަދަ ބައިވެރިއެއް..”ހާރިޒް ނޫރާގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ.

“ހާރިޒް މަގޭ ހިތެއް ނުބުނޭ އެކުއްޖާ ދެވަނަ ކައިވެންޏެއް ކޮށްފާނެއެކޭ.. އޭނާ ހާދަ ލޯތްބެއް ވިއޭ އަލާނާ ދެކެ.. ސުކޫލް ދައުރުން ފެށިގެން ވެސް އޭނާގެ އުމުރުން މިހާރު ތިރީސް އަހަރު ވީ އިރު ވެސް ލޯބިވީ އަލާނާ ދެކެ.. ހާރިޒް އޭނަ އާއި ވާހަކަ ދައްކަބަލަ” ނޫރާ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލިއެވެ.

“އަހަރެން އޭނަ އާ ވާހަކަ ދައްކާނަން.. އެބަހުރި އަހަރެންގެ ގާތް ރައްޓެއްސެއްގެ އަންހެން ދަރިއެއް.. އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކާލަން ވީ އެންނު ..” ހާރިޒް ނޫރާއާއި ދިމާ ބަލައިލިއެވެ. ނޫރާ ނިތް އަރުވާލީ އިތުރަށް ބުނެދޭށޭ ބުނާ ފަދައަކުންނެވެ.

“ފަވާދު އެނގޭނު ދޯ.. ނަވާ މެންގެ ބޮޑަކަށް ޕޮލިހުގަ އުޅޭ.. އަކުރަމްގެ ފުށުން އަހަންނާއި ވެސް އޭނާ ރަހުމަތްތެރި ވީ..އަކްރަމް ބުނި އެއީ ޒަކީންގެ ވެސް ވަރަށް ގާތް މީހެއް ކަމަށް..އޭނަގެ އަންހެންދަރީގެ ވާހަކަ މިކިޔަނީ.. ވަރަށް ޔަންގް ކުއްޖެއް އެއީ.. ނަރުހަކަށް އުޅެނީ .. ހޮސްޕިޓަލްގަ އުޅެނިކޮން ޑޮކްޓަރެއް އޭނާ ރޭޕް ކޮށްލީ ..ދަރިއެއް ވެސް ހުރޭ ..ޔޫއްކޮ މެން ހާ ގާލް އެއް ހަމަ … އެކަމުގެ ސަބަބުން ވަރަށް ސަކަރާތް ވެފަ ހުރީ އެ މަންޖެ ވެސް.. ފަވާދު އޭނާ ވަޒީފާއަށް ނުފޮނުވާ އޭގެ ފަހުން.. ފަވާދުގެ އަންހެނުން ސާދުނާ ވެސް ނިޔާވީ އެހިތާމައިގަ..” ހާރިޒް ކިއައިދެމުން ދިޔަ ވަރަކަށް ނޫރާ އެއަންހެން ކުއްޖާއާއި މެދު ނުހަނު ޝައުގުވެރިވިއެވެ. “މިހާރު އެކުއްޖާ ކޮބާ.. އެ ކުއްޖާ ރަނގަޅުތަ .. ނުބައި ނުލަފާކަން ހުރި ޑޮކްޓަރެއްނު..ކޮބާ އެމީޙާ މިހާރު” އެތައް ސުވާލެއް އެއްފަހަރާ ނޫރާ އަހައިލިއެވެ.

“ރިއުނާ މިހާރް ގޭގަ ހުންނަނީ.. ފަވާދް މެން ޕޮލިހުގަ ތިބެފަ ދޫދޭނެ ތަ.. ރާއްޖޭން ބޭރު ގޮލައެއް އެ ޑޮކްޓަރު އެ..ޑީޕޯޓް ކޮށްލައިފި އޭރު ހަމަ ..މިހާރު އެގައުމުގަ ޖަލުގައި ޑޮކްޓަރުކަމުގެ ލައިސެންސް އަތުލާފަ އުމުރު ދުވަހުގެ ސެންޓެންސް އެއްގަ ހުރީ.. ރިއުނާ ވެސް ކުރިޔަށް ވުރެން މީހުންނާ ވާހަކަ ދައްކާ ހަދާ މިހާރް.. އެކަމް ސާދުނާގެ ހަނދާންތައް ވާނެ އެންނު..އެއްފަހަރާ ދެހިތާމަ އެ އާއިލާއަށް ޖެހުނީ..އެހެންވެ ހުންނަނީ ނެގިމަޑުވެފަ.. ޒަހުރާންއާއި އެންމެ އެކަށީގެންވާނެ ބައިވެރިއެއް ރިއުނާ އަކީ.. ނޫރާ ގަބޫލިއްޔާ އަހަރެން އަކުރަމް މެދުވެރިކޮން ފަވާދުއާ ވާހަކަ ދައްކާނަން..” ހާރިޒް ހަމަ ބުނުމާއެކު ނޫރާ އެކަމަށް އޭނާ ގަބޫލޭ ބުނެލިއެވެ. މާދަމާ ޒަހުރާން އާއި ވެސް އެކަމާ ވާހަކަ ދައްކާނެ ކަމަށް ބުނެ ހާރިޒް ހީލިއެވެ.

***

ޑިއުޓީ ނިމިގެން އަކުރަމް ކާރަށް އަރަނިކޮން ބޭރު ނަމްބަރަކުން ގުޅަންފެށިއެވެ. އަކުރަމް ފޯނު ނެގިތަނާހެން އިވިލީ ޝައުންގެ އަޑެވެ.

“އަކްރަމް ..އަކްރަމް ފޯނު ބޭއްވިތަނާ ސަހުރޫޒް ސާރ ގެ ބޮޑީގާޑް ގުޅާފަ ބުނި އެކްސިޑެންޓް ވި ވާހަކަ..އެހެން ބުނެލަން ވެގެން މިގުޅީ.. އަޅުގަނޑަށް ނުބައި ހަބަރެއް އެދެވުނީ.. އެދުވަހު އަސްލު ސާރ ނުވެސް ފެނޭ.. އާންމުކޮން ޖިމްއަށް ދާ ގަޑި ވީމަ އެދުވަހުވެސް ވާނީ އެތާގައި ކަމަށް ހީކޮށްފަ އެހެން ބުނީ ކޮބައިތޯ ބަލާވެސް ނުލާ” ސައުން ދައްކަން ފެށިވާހަކައިން އަކުރަމްގެ ނިތައް ރޫ އަރައިފިއެވެ.

“ބަލަ ކަލޭ އެން ނޫންތަ ބުނީ އޭނާ ބުންޏޭ ކަމެއް ނިންމާލާށޭ އައީ..” އަކްރަމް ކާރުގައި ލަތްގަނެލިއެވެ. އޭރު ރުޅިގަދަ ވެފައިވާ ވަރު އެމޫނުމަތިން ހާމަވެއެވެ.

“ޔެއާރ އެއީ މިކޮޅުގަ ހުންނަ ދަރިޔާ މިލީނާ މެޑަމް އަށް، ސާރ ގެ މާލޭގައި ހުރި ގޭ ބަހާ ވާހަކަ ..ހީކުރަން ސާފް ވެއްޖެ ކަމަށް .. މި ގަޑީގަ ބިޒީ ވެއްޖެ..” އަކުރަމް އަށް އިތުރަށް އެއްޗެއް ބުނެވެން ވާއިރަށް ޝައުން ފޯނު ކަނޑައިލިއެވެ. އަކުރަމް އަށް ކާރުގައި ގޮށްމުށުން ޖަހައިލެވުނެވެ.

“ކޮންމެވެސް ކަމެއް އޭނާ ވެސް އެބަ ސިއްރު ކުރޭ..ދެފަހަރު އެކައްޗެއް ނުކިޔާ ސޮރެއް އެވެސް..” ރުޅިގަދަވެފައި ހުރެ އަކުރަމް އިތުރު ހަމަލާއެއް ކާރުގެ ބޮނެޓް މައްޗަށް ދޫކޮށްލިއެވެ.  ޝައުން އެ ދެއްކި ވާހަކަ އަކުރަމް އަށް ގަބޫލް ކުރަން ނުހަނު އުނދަގުވިއެވެ. ދެފަހަރު  ދެގޮތައް އެވާހަކަ ދެއްކިއިރު އަދި އެދެއްކި ވާހަކަ އަކްރަމަކަށް އެހާ ހަމައެއްވެސް ނުޖެހެއެވެ. އަކުރަމް ފުންނޭވާއެއް ދޫކޮށްލާފައި މިސްރާބް ޖެހީ ގެޔަށެވެ.

އަކްރަމް ގެޔަށް އައިސް ވަންއިރު ސަހުރޫޒް ފެނުމުން މޫނަށް ފޫހިކަން ވެރިވިއެވެ. މިލީނާއަށް ފެންނަން ވާއިރަށް އޭނާ އެރީ މައްޗަށެވެ.

ބައްޕަ…ބަނޑުހައެއް ނުވޭތަ” ވީލްޗެއާރގައި އިން ސަހުރޫޒް އުނަގަނޑާއި ފައި އޮތީ ބެންޑޭޖް ކޮށްފައެވެ.

“އާން ދަރިޔާ އަދި ނުވޭ .. ކޮބާތަ ކުދިވެރިން..ޒޭން ވެސް ނާންނަނީ ތަ…މީހަކާ އިންނަން އުޅޭއިރު ބައްޕައަށް ދައްކާލަން އެކުއްޖާ ނުވެސް ގެނޭ އަދި ..ހާދަހާވާ އުނަގަނޑުގައި ރިއްސާ ދުވަހެކޭ..އެއްކަލަ ތަނުން ބޭސް ގުޅައެއް ދީބަލަ”  ޝަހުރޫޒް ވާހަކަދެއްކީ ބަދިގެއިން ނުކުން މިލީނާއާއެވެ. މިލީނާ ބޭސްގުޅައަކާއި ފެންތައްޓެއް ގެނެސްދިނުމުން ސަހުރޫޒް ބޭސްގުޅަ ކާލިއެވެ.

“އޭނާ ޑިއުޓީއަށް އެދިޔައީ… މިއަދު ބުނިން މާދަމާ ނަވާ ގެންނައްޗޭ.. ނަވާ ވެސް މިހާރު ވާނީ ޑިއުޓީގަ…ބައްޕަ ކައިރީގަ ބަލައިގެން އުޅެން ބުންޏަސް އެހާ ފަރުވާކުޑަކޮން އުޅުނީމަ މިއޮތީ އެކްސިޑެންޑް ވެފަ…ޑޮކްޓަރު ބުނިހެން އަރާމް ކުރީމަ ދެން އަވަސް ހައްލެއް ވެސް ލިބޭނީ..” މިލީނާ ބޭސް ފުޅިއެއް ހިފައިގެން އައިސް ޝަހުރޫޒްގެ އުނަގަނޑުގައި ހާކާލަދިނެވެ.

***

“ރިހާމް އާއި ޒެހެކް އަދި ޒެހެކްގެ ބައްޕަ އަހުމަދު ތިބީ “ވޫޑް ބެލް” ރެސްޓޯރެންޓްގައި އެވެ. ރޭގަނޑުގެ އެހިތްފަސޭހަ ވަގުތު އެތާގެ ތެރެ ފުދޭވަރަކަށް ބާރުބޮޑެވެ.

“ބައްޕަ ވެސް ބޭނުންވަނީ ޒެހެކް އަވަހަށް ކައިވެނި ކުރަން .. ބައްޕައަށް ވެސް ވަޒީފާގެ ގޮތުން މިއުޅެން ޖެހެނީ ގިނައިރު ބޭރުގަ.. ވަރަށް ހިތައް ވެސް އުނދަގުވޭ ޑިއުޓީއިން އައިސް ޒެހެކް ގޭގައި އެކަނިން ހުންނާތީ އެތަން ދެކެފަ..ދެކުދިން ވިސްނާފަ ޑޭޓެއް ނިންމާލަ.. މާ ލަސްނުކުރާތި އެނގޭ..” ހިނިތުންވުމެއްގައި ހުރި އަހުމަދު، ރިހާމް އާއި ދިމާ ބަލައިލިއެވެ.

“ދެމީހުން މިނިންމީ މިއަންނަމަހު ވިހީގައި އިންނަން ..އަހަރެން ވެސް ވަޒީފާގައި ހަމަޖެހިލެވުނީމަ މިހާރު ބޭނުންވަނީ ވީޙާ ވެސް އަވަހަކަށް އިންނަން .. ބައްޕަ އަށް ރަނގަޅުތޯ އެ ޑޭޓް..” މޭޒުދަށުން ޒެހެކްގެ އަތިލައިގައި ހިފައިލަމުން ރިހާމް އަހުމަދުއާއި ދިމާ ބަލައިލިއެވެ. އަހުމަދު ނިކަން ހިނިއައިސްފައި ހުރެ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. އަހުމަދުގެ މޫނުމަތިން އޭނާ އުފާވެފައި ހުރިވަރު ފެންނަން ހުއްޓެވެ.

“ތެންކިއު ބައްޕާ.. މެރީކުރި ނަމަވެސް އަހަރެން ވަރަށް ގިނައިން ގެޔަށް ދާނަން..” ޒެހެކް ހީލައިގެން ހުރި ނަމަވެސް އަހުމަދު ދޫކޮށް ދާން ޖެހޭތީ ދެރަވާގޮތް ވިއެވެ.  އަހުމަދުއަށް އެކަން އިހްސާސްވެގެން އެކަމެއް ނޫނޭ ބުނެ ޒެހެކް ހެއްވާލިއެވެ.

އަހުމަދުގެ ދެލޮލުން ކަރުނަ ނައި ކަމުގައިވިޔަސް ޒެހެކްގެ ކައިވެންޏަށް ފަހު އޭނާ އާއި ވަކިވާނެކަން ހަނދާންވެ ޖަޒުބާތީވާގޮތްވިއެވެ. ޒެހެކްއަކީ އޭނާގެ ފުރާނަ ފަދަ ލޯބިވާ އަދި ހުރި ހަމައެކަނި ދަރިފުޅެވެ. ނަމަވެސް ބޮޑުވެ ފުރާފުރިހަމަ ވެފައިވި އަންހެން ދަރިފުޅު ކޮންމެވެސް ދުވަހަކުން ދިރިއުޅުމުގެ ހުންގާނުގައި ހަޔާތުގެ ބައިވެރިޔާ އެކު ހިފާނެކަން އޭނާ ދަނެއެވެ.

ތިން މީހުން ވާހަކަ ދައްކަން ތިބުމަށްފަހު ރިހާމްއަށް އެމަޖެންސީކޮން ހޮސްޕިޓަލް އަށް ދާން ޖެހިގެން އެތަނަށް ނުކުތުމަށް ހިނގައިގަތެވެ . އޭރު ތިންމީހުންވެސް ތިބީ ކައިނިމިފައެވެ. ރިހާމް ދަމުން ޒެހެކް ގެޔަށް ލާދޭނެ ވާހަކަ ބުނުމުން އަހުމަދުވެސް ރަހުމަތްތެރިއަކާއި ބައްދަލް ކުރަން ދާ ވާހަކަ ބުނެ ނުކުމަތެވެ.

***

ނަވާރް އާއި ޒަޔާން ގޭ ކައިރީގައި ހުރި ފިހާރައަކުން މެގްނަމް ގަނެގެން ބޮމުން އައިއިރު ޒަޔާންގެ އަތުގައި އޮތް ކޮތަޅުގައިވެސް އަދި ހައެއްކަ މެގްނަމް ދެތިން ވައްތަރެއްގެ ޗޮކްލެޓް ހުއްޓެވެ. “ހާދަ މީރޭ މި މެގްނަމް ..އަދި ކުރިން ނުކަން މިވައްތަރެއް..”ނަވާރް އަތުގައި އޮތް މެގްނަމް ބޮމުންދިޔައީ ދަހިގޮތަކަށެވެ. ދެކެން ހުންނަ މީހަކު ވެސް ކުޅުދިޔާވާ ފަދައަކުންނެވެ. އޭނާގެ ރަތް ތުންފަތުގައިވެސް އޭގެ ކްރީމް ހޭކިފައި ހުއްޓެވެ.

“ކުޑަބެ ވެސް ނުކަން އަދި މިއެއް…ތިއެއް ނޫނޭ.. ވެޑިން މިއޮތް ޖެހެނީނު.. ކޮންކަހަލަ އިހްސާސް ތަކެއްތަ ކުރެވެނީ.. ދެން ނަވާއާ އެއްކޮން މެގްނަމެއް ބޯން ވެސް އެގެޔަށް ދޯ ދާން ޖެހޭނީ.. ” ޒަޔާން ލާނެތް ގޮތަކަށް ނަވާރް އާއި ދިމާ ކޮށްލިއެވެ. ލަދުގަން ނަމަވެސް ނަވާރް ވެސް ވަކި ދޫ ދޭކަށް ބޭނުމެއް ނުވިއެވެ.

“ދެން ކުޑަބެ ކާރުގަ ބަލައި ދާނީ އޭ..ދެން މެރީ ކުރެވޭއިރު ފާޑަކަށް ބިރުގަންނާނެތާ އެންމެން ވެސް..ކުޑަބެ ތިހުންނަނީނު ލޯބިވާ ކުއްޖަ ކައިރީގަ އެނބުރޭއިރު ވެސް މޮޔައެއްހެން..އަހަރެން މާގަދަ އެންނު..” ނަވާރްވެސް ހީގަންނަމުން ޒަޔާން އާއި ދިމާކޮށްލިއެވެ.

” ކާކު ވާހަކައެއްތަ ތިބުނީ..”ޒަޔާން ހެދީ ނޭނގޭ ކަމަށެވެ. ނަވާރް ވަގުތުން މީޝަމްގެ ވާހަކަ ފަށައިފިއެވެ.

“ތިދެން ކޮންވާހަކައެއް..އޭނަ އެ ސަދަފް އެއްގެ ފަހަތުން އުޅެނީ.. އަނެއްކޮޅުން ވީއާ ކަޒިންސް ..ހަޑި ދޯ އެކަހަލަ ކަންތައް ކުރަން..ހަހަހަ.. އެހެން ނޫނަސް އަހަރެންގެ ހިތުގައި އެއްވެސް ކަހަލަ ހާއްސަ ފީލިންގް އެއްނެތް އެކަކަށްވެސް ދެވިފަކައެއް.. ނަވާ ..ކިހިނެތްތަ ކޫގެ ހިތް ހޯދީ.. އަހަރެމެން އަހާ އިރުވެސް އޭނާ ނުއެއް ބުނި.. ގައިމް ބެސްޓްފްރެންޑޯ.. މަށައް ނޭނގުނު ބެސްޓްފްރެންޑަށްވެ ހުރެ މަ ކޮއްކޮ ޖަހާގަން އިރުވެސް..ހަހަހަ..” ޒަޔާން ހޭންފެށިއެވެ. މީޝަމްގެ ވާހަކަ ދެއްކުމުން ޒަޔާން ވާހަކަ އޮޅުވާލިގޮތް ފެނި ނަވާރް ގާތައް ހިނިއައެވެ.

“އެދެން ހަމަ މިހެން ވާހަކަ ދައްކަމުން ގޮސް އެހިސާބަށް ދިޔައީ.. ދެން އޭނާ މެރީ ކުރަން އެހީ.. އޭނާ ވެސް ލަދުގަންނާނެ ދޯ ކުޑަބެ ކައިރީގަ ނަވާގެ ވާހަކަ އަހަން..ކުޑަބެއަށް އެނގޭތަ ލާރާ .” ނަވާރް އަހައިލިއެވެ. ނަވާރްގެ އެ ސުވާލުން ޒަޔާންގެ މޫނުމައްޗައް ހިސާބެއްގެ ސީރިއަސްކަމެއް ވެރިވިއެވެ. އޭރުތިބީ ގެޔާ ހިސާބަށް އާދެވިފައެވެ. ގެޔަށް ވަނުމުގެ ބަދަލުގައި ދެމީހުން ޖައްސައިލީ ގޭގެ އެންމެ ތިރީގައި ވާ ގަރާޖަށް ވަންނަން ހުރި ދޮރުގެ އެތެރެއަށް ވާހެން ހުރި ދެގޮނޑީގައިއެވެ. ގަރާޖުގެ ދެ ދޮރު ހުޅުވާފައި ހުރުމުން އެތާގައި ތިބޭ އިރު ބޭރުން ދާ މީޙުން ނުހަނު ރީތިކޮން ފެނެއެވެ.

“ކޫ ނުކިޔާދޭ ދޯ.. ” ކާންފަށާފައިވާ މެގްނަމުގެ އެންމެ ފަހު އެތިކޮޅު އަނގަޔަށް ލަމުން ޒަޔާން އަހައިލިއެވެ. ނަވާރް ވަގުތުން ބޯ ޖަހައިލާފައި ޔަޒަން ފަހުން ކިޔައިދޭނެ ކަމަށް ބުނި ވާހަކަ ބުނެލިއެވެ.

” ކޫ ކިއައިދޭނަމޭ ބުނެފިއްޔާ ކިއައިދޭނެ.. ކުޑަބެ އަށްވުރެން އޭނާ ދޯ ރަނގަޅުވާނީ ވެސް… އެކަމަކު ކޮންމެވެސް ވަރަކަށް ކުޑަބެ ކިޔައިދީފާނަން..ލާރާ އަކީއަހަރެމެންނާ އޭލެވެލް އިން ދިމާވި ކުއްޖެއް ..ފުދޭވަރަކަށް ރީތިކޮން ހުންނާނީ..އެކަމް ނަވާ އަށް ވުރެން މާ ބޮޑަށް ވެސް ހަޑި އެނގޭ.. މިބުނީ މިޒާޖް ވެސް… އޭނާ އާއި އެއްކޮން އުޅޭނެ ސިއުރާ .. ވަރަށް ނުލަފާކަން ދެއްކި ޝިއުރާ…އޭނާ އާއެއްކޮން އުޅޭނީ.. ދެމީޙުން އިސްތަށިގަނޑު ކުލަ ޖައްސައިގެން ދާދާ ހެދިގެން އުޅޭނީ..އެކަމަކު އޭރުވެސް ޝިއުރާއަށް ވުރެން ލާރާ ހުންނާނީ މަޑުން …މިހެން އުޅެފަ ދެން ކޫ އަށް ލާރާ ކަމުގޮސްގެން މީނައާއި ކޫ ރައްޓެހިވެއްޖެ..ދެން ލާރާ އެހެން މީހަކާއި އެއްކޮން ގަނޑެއް ގަނެފަ ޗީޓް ކުރީ ވަރަށް ނުބައިގޮތަކަށް.. ކޫ ކިޔައިދޭނެ އެބައި..އައި ކޭންޓް ސޭ ދެޓް… އެނީވޭސް އަދިވެސް އަހަރެމެންނަކަށް ނޭނގޭ އެކާކު ކަމެއް.. ކޫ ނުވެސް އުޅޭ ބަލާކަށް ވެސް އެކާކުތޯއެއް…އެއަށް ވުރެން އޭނާ ހުރީ ސަކަރާތް ވެފަ..އެކަމަކު އެދުވަސްކޮޅު އަހަރެމެން މަސައްކަތް ކުރިން ކާކުކަން އެނގޭތޯ.. އެކަމަކު އުޅެ އުޅެ ވެސް ނޭނގުން.. އޭގެ ފަހުން ކޫ ވެސް ދެން މޫވް އޮން ކޮށްފި … އާނާގެ ހިތްވަރު ހަމަ އެ.. އާނާ މަރު ނުވަނީސް އެއީ.. އާނާ އާ އެއްކޮން އަބަދު އުޅޭނީ ދެން އަހަރެމެން ތިބޭނީ.. އެހެން ހުއްޓާ އާނާ ވެސް ގެއްލުނީ.. ކޫގެ ބައްޕަ ވެސް މަރުވީ .. ހީ އޯލްރެޑީ ސަފާޑް އަ ލޮޓް… ހީ ޑިޒާވް ބެސްޓް އިން އެވްރީތިންގް.. ނަވާ ..ކުޑަބެ ދޭން ބޭނުންވާ ނަސޭހަތަކީ ދުވަހަކުވެސް އޭނާ އަށް ދެރަ ގޮތެއް ނުހަދާށޭ.. ކައިވެންޏެއް ކޮށްގެން އުޅޭއިރު މައްސަލަ ވެސް ޖެހޭނެ ..ދެމަފިރިން ގުޅިގެން ހައްލު ކުރުން އޮންނާނީ.. ހަމަ އެކަނި އެކުވެރިއެއް ނޫން.. އަހަރެމެން ތިން މީހުންނަކީ އެކައްޗެއް… ފެމެލީއެއް.. ވަކި ނުކުރެވޭނެފަދަ ގުޅުމެއް ތިން އެކުވެރިންގެ އޮންނާނީ.. ” ޒަޔާންގެ އަޑުގައި ވީ މަޑުމައިތިރި ކަމުން، އެކައިވެންޏަކީ ވަކި މަގުސަދެއްގައި ކުރާ ކައިވެންޏެކޭ ވެސް ބުނެފާނަމޭ ނަވާރް ހިތައް އެރިއެވެ. ނަމަވެސް އަދި ޒަޔާން އަނދިރީގައި ބެހެއްޓުން ނޫން ގޮތެއް ވެސް ނެތެވެ. ނަވާރް ބޯ ޖަހައިލިއެވެ.

“ލައްބަ.. ކުޑަބެ ޔަޒަން ދެކެ މާ ލޯބިވާހެން ހީވެ ނަޥާ އަށް ވުރެން ..”ނަވާރް އިނދެފައި ތުން އޫ ކޮށްލިއެވެ. ޒަޔާން ކައިރިޔަސް ހިނިއައިސްގެން ނަވާރްގެ ކޮލުގައި ހިފައިލިއެވެ.

“ދެން ނަވާ ވެސް ދޯ.. ކުޑަބެ ނަވާ ކައިރިޔަކު ނުކިޔާނެ ދޯ ނަވާއަށް ބަލާށޭ އެއީ ކުޑަބެ ފުރާނައެކޭ… އަހަހަ..ޔަޒަން އަށް ލައްކަ އިންޒާރު މާ ކުރިން ވެސް ދީފަ ހުންނާނީ.. މެރީ ކުރިއަސް ޑޯންޓް ފޮގެޓް ދެޓް ޓޫ ބްރަދާސް އާ އޯލްވޭސް އާފްޓާ ޔޫ ޕްރިންސެސް..” ޒަޔާން ނަވާރް އަތުގައި ހިފާ ބައްދާލަމުން ނަވާރްގެ ބޮލުގައި ފިރުމާލިއެވެ. އޭރު ނަވާރް ފެންކަޅިވެފައި ހުއްޓެވެ.

“ކޮބާ ދޮންބެ އަކަށް ނެތްތަ ހަގެއް..ކޮންމެ ދުވަހަކީ ވެސް ނަވާގެ ހަގް ޑޭ ދޯ..” އޮފީސް ނިމިގެން ގެޔަށް އައި ޒަހުރާންގެ ލޮލުގައި ޒަޔާން އާއި ނަވާރް އަޅާއިގަތުން އެމީހުންގެ ގާތައް މިސްރާބު ޖެހިއެވެ.

ޒަހުރާން ބައްދާލާފައި ހެއްވާލަން އުޅުމުން ނަވާރްއަށް ރަނގަޅަށްވެސް ރޮވުނެވެ. ބޭބެމެން އޭނާ ދެކެ ވާ ލޯބި ފެނި ނުހަނު ބޮޑަށް ޖަޒުބާތީވިއްޔެވެ. ދެބޭބެ ވެގެން ނަވާރްގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެދެމުން ދިޔަ ގޮތުން ހައްތަހާ ބޮޑަށް ރޮވުނީއެވެ.

”އާހް ކީއްކުރަން ތަ ނަވާ ރޮއްވާލީ..މި މީހުން އަބަދުވެސް އެހެން ހަދާނީ..” ޒަހުރާން ދިން ޓިޝޫ އިން ދެލޯ ފުހެލަމުން ނަވާރް ބުނެލައިފިއެވެ. އެއަށްފަހު އިވިލީ ޒަހުރާން އާއި ޒަޔާންގެ ލުއި ހީލުމުގެ އަޑެވެ.

ތިންމީހުން އެތާގައި ތިބެފައި ގެޔަށްވަންނަ ދިޔަ ވަގުތު މަގުމަތިން ލާފައި ދަނިކޮން ފެނުނު ސޫރައަކުން ނަވާރްއަށް ހުއްޓިލެވުނެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އާދައިގެ މަތިން އޭނާ ތޮފިއަޅައިގެން ހުރި ނަމަވެސް އެއީ އަހުމަދުކަން އެންމެ ބަލައިލުމަކުން ވެސް ނަވާރްއަށް އެނގުނެވެ. އަހުމަދު އެކަނިން ދާތަން ފެނުމުން މިއީ އޭނާގެ ފަހަތުން ދާން އެންމެ ރަނގަޅު ވަގުތުންކަން ނަޥާރްއަށް ވިސްނުނެވެ. އަހުމަދު އެގެޔާއި ހިސާބަށް އެރުމަށްފަހު ބަލަމުން ދާން ފެށުމުން ނަވާރް މަޑުމަޑުން ޒަހުރާންގެ ފުރަގަހަށް ވަދެ އެހެންމީހަކަށް ޝައްކު ނުވާހެން އެނބުރިލިއެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު