އެހުރިހާއިރު އަރްކާން އިނީ އެއްޗެއް ނުބުނެއެވެ. ނަމަވެސް ގެޔަށް ދެވުނުހާ އަވަހަކަށް ލިއާނާއަށް އެހެން ދިމާވާން މެދުވެރިވި ސަބަބު ހޯދަން އޭނާ އަޒުމް ކަނޑައެޅިއެވެ. ނަވާޒް އެހެން ބުނި ނަމަވެސް އެއީ ގެޔަށް މީހަކު ވަދެގެން ދިން ހަމަލާއެއްކަން އޭނާ ދެނެގަނެވުނެވެ. ނަމަވެސް އެހާ ވަރުގަދަ ސެކިއުރިޓީއެއް އޮއްވާ މިފަދަކަމެއް ތަކުރާރްކޮން ހިނގަމުން ދާތީ އަޖައިބުވިއެވެ. ފުރަތަމަ އަލާރާއެވެ. ދެން އީވާ އެވެ. މިފަހަރު ލިއާނާއެވެ. ކޮންމެވެސް ކަންތައް ގަނޑެއް އެބަ ހިނގައެވެ. ލޯ ގަނޑުން ލިއާނާގެ މޫނު ފެނުނު ހިނދު އަރްކާން އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
ލިއާނާގެ ހަބަރު އަލާރާއަށް ލިބުނީ ހެނދުނު ކާންދޭން ދިނާޔާއައިސް އެވާހަކަ ބުނުމުންނެވެ. އަލާރާގެ ބޮލަށް އެބުރުން އަރައިގެން ދިޔައެވެ. ރޭގައި ލިއާނާ ލަސްވުމުން އޭނާ ހީކުރީ މީހަކު ނުފެނުމުން ނިދަން ދިޔައީ ކަމަށެވެ. ރުޅިމަޑުވެގެން ފަހުން އީވާ ވެސް ކޮޓަރިއަށް އައުމުން އޭނާއަށް ވެސް ނިދުނީއެވެ. އެންމެ ފުރަތަމަ ވެސް އޭނާ ބޭނުން ވީ ލިއާނާގެ ހާލުބެލުމަށެވެ.
“ދޮންބެ ބުނި ހޭއެރީމަ އޭ އައީ..ފަހުން ޒެވްއަށް ގުޅީމަ ބުނި ބޮލުގައި ރިއްސާވަރުން އިންޖެކެޝަނެއް ޖެހި ވާހަކަ..އެޖެހި ފަހުން ނިދާފަ އޭ ބުނީ އޮތީ.. ވަރަށް ބޮޑަށް ލިއާގެ ބޮލަށް އަނިޔާ ވެފަ ހުރީ..ވެއްޓިފަ ޖެހުނު ގޮތަކުން ކަންނޭގެ…. ސެކިއުރިޓީން ތިއްބަ އެފަދަ ކަމެއް އަނެއްކާ ވެސް ތަކުރާރް ވެގެންދިޔައީމަ ބައްޕަ ވަރަށް ކަންބޮނޑު ވެފަ އެހުންނަނީ.. ބައްޕަ ވެސް ވެއްޖެ ހޮސްޕިޓަލްގަ.. މަންމަ ވެސް މިއަދު ނުދާނަން އޮފީހަކަށް..އީވް އައީމަ ދެންދާނީ ހޮސްޕިޓަލްއަށް… ދަރިފުޅު ކަމެއް ބޭނުން ވެއްޖެޔޭ ބުނެލާ އީވް ކައިރީގަ..މާމަ ވެސް އަންނާނެ އިރުކޮޅަކުން..” ދިނާޔާ ތަށިތައް ހިފައިގެން ނުކުންނަން ދަމުން ބުނެލިއެވެ.
އަލާރާ ބޯޖަހައިލިއެވެ. ދިނާޔާ ނުކުން ކަން ޔަގީން ވެގެން އޭނާ ލައްގަނެގެން އިން ބާލީސް ދޮށަށް އަތް ކޮއްޕާލާފައި ފޯނު ނެގިއެވެ. ފުރަތަމަ ވެސް ޒެވިއަލްގެ މަތިން ހަނދާންގެ ތުންފަތައް ފެވިލީ ރީތި ހިނިތުންވުމެކެވެ. “އައި މިސް ހިމް އޯލް ރެޑީ..” އެ ލޯބިވެތި ހިނިތުންވުމުގައި އިނދެ ކިޔާލެވުނު އިރު ނޭނގުމުގެ ތެރޭގައި އޭނާއަށް އިނދެވުނީ ވޮއިސް ރެކޯޑިންގްއަށް ލެވިފައެވެ. އެ ފޮނުވާލެވުނު އިރު ވެސް އޭނައަށް ރެއަކާ ނުލިއެވެ. އެހެން އިންދާ ސިހުނީ ވޮއިސްމެސެޖެއް ލިބުމުން އިވޭ ބީޕްއަޑުންނެވެ. އީވާ ކިޔައި ދިންހެން މެދުގައި އިން ފިތައް އޮބާލުމުން އިވިގެން ދިޔައީ ޒެވިއަލް ފޮނުވި ވޮއިސް އެކެވެ.
“ކާކު މަތިން މިސް ވެގެން ތިއުޅެނީ..” އެ އަޑުވި އަލާރާގެ ދެލޯ ބޮޑުވިއެވެ. ޒެވިއަލްއަށް އޭނާގެ ހިތުގަ ހުންނަ އެއްޗެހިވެސް އެނގެނީބާއޭ ހިތައް އެރިއެވެ. އެވަރުންވެސް އޭނާއަށް އެ ވޮއިސް ފޮނުވުން ކަމެއް ނޭނގުނެވެ.
“ވަޓް ޔޫ މީން..އާރ ޔޫ ޑްރީމިން” އަލާރާ މެސެޖް ފޮނުވާލިއެވެ.
“ނޫނޭ.. އައި މިސް ހިމް އޯލް ރެޑީ އޭ ކިޔާފަ އަލާ ވޮއިސް އެއް ފޮނުވީމަ.. ޝަވަން މަތިން މިސްވެގެންތަ ތިއުޅެނީ..” ޒެވިއަލްގެ ޖުމްލައިވި އަލާރާގެ މޫނު ރަތްވިއެވެ. ވެގެންދިޔަ ގޮތް ވެސް ފަހުމް ވީދެނެވެ. ގަތްލަދުން މޫނުމަތީގައި ބާލީސް އަޅާލައިގެން އޮވެ ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ.
“ވަޓް ދަ ހެލް އާރ ޑުއިން އަލާރާ.. އާރ ޔޫ ކްރޭޒީ…އިޑިއަޓް.އާހްހް..މަންމާ” އެނދުމަތީގައި ދެފައި ތަޅައިގެން ހިނދުވެސް އޭނާގެ މޫނު ރަތްކަމުން ހީވަނީ ޓޮމާޓޯ އެއްހެންނެވެ. “އާހް އާހް އައި ކޭންޓް ފޭސް ހިމް އެނީމޯރ…ލަދުން ހަލާކު.. އެކަމަކު ލިއާގެ ހަބަރެއް ވެސް ބަލަން އެބަޖެހޭ..” ބަންޑުން އޮވެ އަނެއްކާ ވެސް އަލާރާ ހަޅޭއްލަވައިގަތެވެ. އެހެން އޮތްވާ އަނެއްކާ ވެސް ސިހުނީ ފޯނު ވޮއިސް މެސެޖެއް އައި އަޑުއިވިގެންނެވެ.
“ލުކްސް ލައިކް ސަމްވަން އިޒް މިސިންގް ޝަވަން..” ޒެވިއަލް އަނެއްކާ އެހެން ބުނުމުން އަލާރާގެ ހިތައް އުނދަގޫވެގެން ދިޔައެވެ. ހަމަ ގައިމްވެސް ޝަވަންގެ މަތިން އޭނާ ކުރިން ހަނދާންވާހެން މިހާރު ހަނދާނެއް ނުވެއެވެ. ނަމަވެސް ޒެވިއަލްގެ މަތިން އޭނާ އަބަދުވެސް ހަނދާންވެއެވެ. ދުވަހުގެ ބޮޑުބައި ކައިރީގައި ހޭދަކޮށްފައި ފަސްމިނެޓްއަށް ކައިރިން ދިޔަސް ވެސްމެއެވެ. އަންނާނެ އިރަކަށް އިންތިޒާރުކުރެވެއެވެ. ޒެވިއަލްއާއި ގާތުގައި ވުމަށް ހިތް އެދެވެއެވެ. އޭނާއަށް އަންނަމުން މިދާ ބަދަލްތަކުން ހިތުގައި ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.
“މްމްމް.. ހައުސް ލިއާ..ހޭލާފަތަ” އިތުރަށް ބުނާނެ އެއްޗެއް އަލާރާއަކަށް ނޭނގުނެވެ. ހިތައް ވަމުން ދިޔައީ ޒާތެއްގެ އުނދަގުލެކެވެ.
“ކުރިއަށް ވުރެން ރަނގަޅު.. އަދި ނުހޭލަ… ” ޒެވިއަލްގެ ޖަވާބުން އަލާރާގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. ޒެވިއަލް ފޮނުވާފައި ހުރި ވޮއިސް މެސެޖްތައް އެތައް އިރެއް ވަންދެން ޕްލޭކޮށްލަ ކޮށްލަ އަލާރާ އޮތެވެ. އެ ފިރިހެންވަންތަ އަޑު އިވިލާ ކޮންމެ ފަހަރަކު ގައިން ހީބިހި ހަލުވާލައެވެ.
****
ދިނާޔާއާއި އަޒީޒް ތިބުމުން ޒެވިއަލް ގެޔަށް ދާން މިސްރާބުޖެހީ ގޭގެ ސެކިއުރިޓީ އޮފިސަރު ރަސަލް ގުޅާފައި އައުމަށް އެދުމުންނެވެ. ގެއަށްއައިސް އެންމެ ފުރަތަމަ ވެސް އނާ ދިޔައީ އެގޭގެ ސެކިއުރިޓީންނަށް ހާއްސަ ކުރެވިފައިވާ ބަޔަށެވެ. އޭނަ އެތެރެއަށް ވަދެ ވަދެ ހުއްޓާ ފަހަތުގައި މީހަކު ހުރިހެން ހީވެގެން ބަލައިލިހިނދު އަރްކާން ފެނުމުން ހިސާބަކަށް ހައިރާންވިއެވެ. އަރްކާން ބަލަހައްޓައިގެން ހުރިނަމަވެސް ބަހަކުން ބަހެއް ނުބުނެ ޒެވިއަލް އެތެރެއަށް ވަނެވެ. ރޭގެ ކަންތަކަށް ޝުކުރު އަދާކުރަން ހިތް ބާރު އަޅަމުން ދިޔައިރު އޭނާއާއި އަނގައިން ބުނުމަށް ސިކުނޑި މުޅިންދެކޮޅެވެ. ރޭގައި ފުރަތަމަ އަރްކާން ގުޅުމުން ޒެވިއަލް އިނީ ހަނދާނެ ގޮތެއް ވެސް ނޭގިފައެވެ. ފުރަތަމަ ފަހަރަށް ރިންގް ވެގެން ގޮސް ކެނޑުނު އިރުވެސް ހަރަކާތެއް ވެސް ގެންނަން ނޭނގިފައެވެ. އޭނާ ހީކުރީ އޮޅުމަކުންކަމަށެވެ. ނަމަވެސް ދެވަނަފަހަރަށް އަރްކާން ގުޅަން ފެށުމުން ބޮޑުކަމެއް ވީއޭ ހިތާ ނެގީއެވެ. ކަމަކަށް ވާވަރުގެ ކަމެއް ނުހިނގާ ނަމަ އަރްކާން ނުގުޅާނެކަން އޭނާދަނެއެވެ.
އޮފީހުގައި އުޅެފައި އަރްކާން ގެޔަށް އައީ ރަސަލް ގުޅުމުންނެވެ. ނުހަނު މަސައްކަތް ބުރަ ދުވަހެއް ނަމަވެސް ހިނގާދިޔަ ހާދިސާއަށް ފަހު އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައި ވަނީ އެކަމަށެވެ. އަދިވެސް އޭނާއަށް ސިފަވަނީ ރޭގައި ލިއާނާ އޮތް ހާލަތެވެ. އޭނާގެ ހިތައް އެހާ އުނދަގޫ ވި ވަގުތެއް ހަޔާތުގައި ވެސް އައި ކަމެއް ނޭނގެއެވެ.
“ސީސީޓީޥީ ފޫޓޭޖް ތައް ދައްކާލަން ވެގެން ބުނީ… އިތުރު މީހަކުވެސް އެބައުޅޭ އެ ހަމަލާދިން މީހާގެ އިތުރަށް” ރަސަލް އިތުރު މީހެކޭ ބުނުމުން ޒެވިއަލްއަށް ކީކޭހޭ އަހައިލެވުނެވެ. އެޅުވިގެންދިޔަ ފޫޓޭޖްތައް ފެންނާނެހެން ރަސަލް ޑެސްކްޓޮޕް އަނބުރާލަދިނެވެ.
“ލިއާ އުޅުނު ގޮތުން ހީވަނީ ލިއާއަށް މީހަކު އުޅޭކަން އެނގިގެން ހަމަ އުޅުނުހެން … ބަލާ މިފެންނަނީ ދެތިންފަހަރަށް ލިއާ މުޅި ގޯތި ތެރެ ބަލާތަން ..ސެކިއުރިޓީން ތިބޭ ހިސާބެއްގައި ވިއްޔާ ލިއާ ވަރަށް ނޯމަލް ކޮން އުޅެފަ ހުރީ.. މިގޭގަ ސެކިއުރިޓީން ނުތިބޭނީ ހަމައެކަނި ބެކްޔާޑްގަ..އެއީ އެހިސާބަކީ ވަށައިގެން ވެސް މަތިން އެރޭނެ އެއްވެސް ގޮތެއް ނީންނަ އޭރިއާ އަކަށް ވާތީ.. އެ ނޫން ކޮންމެ ހިސާބެއްގަ ތިބޭނެ މީހުން.. އެކަމަކު ބެކްޔާޑްގަ ވެސް ކެމެރާ ހުންނާނެ” ރަސަލް ދައްކަމުން ދިޔަ ފޫޓޭޖްތަކުން ޒެވިއަލްއަށް ހުރެވުނީ ހަމަ ރަނގަޅަށް ވެސް ޝޮކްއެއްގައެވެ. ލިއާނާ އުޅެފައި ހުރިގޮތް ވަރަށް ރަނގަޅަށް ހުރިހާ ކެމެރާއަކުން ރަސަލް ދައްކަމުން ދިޔައެވެ. އެންމެފަހުން ގާޑެންގެ ކައިރީގައ މަޑުކޮށްގެން ހުރެފައި ކުއްލިއަކަށް ދުއްވައިގަތީ ގާގަނޑެއް ހިފައިގެންނެވެ. އެހިސާބު ޒޫމްކޮށްލުމަށްފަހު ރަސަލް ދެއްކިއިރު މީހަކު ހުއްޓާފެނުނެވެ. ނަމަވެސް ކަޅު އެއްޗިހިނުގައި މޫނު ފޮރުވައިގެން ހުރުމުން ސިފަ އެނގޭ ވަރެއް ނުވިއެވެ.
ލިއާނާ ގާގަނޑު އެއްލާލުމަށްފަހު އެމީހާ ޒަހަމް ކޮށްލި ގޮތުން ޒެވިއަލް ދެލޯ ބޮޑުވިއެވެ. އަރްކާންއަށް ވެސް ހުރެވުނީ އަނގަ ނަގައިގެންނެވެ. އެ ދެމީހުންނަށް ވެފައި ތިބި ގޮތުން އެ ސީރިއަސް ވަގުތުގައި ވެސް ރަސަލްއަށް ހެވުނެވެ.
ލިއާނާ ދުވެފައި ގޮސް އެމީހެއްގެ ގަމީހުގެ ގިރުވާނުގައި ހިފާ ދަމައިގަނެ މޫނު ބަލަން އުޅުނު ވަގުތު ދުރަށް ކޮށްޕާލި ގޮތްފެނި ޒެވިއަލްގެ އަތް މުށްކެވުނެވެ. ޔަގީނުންވެސް ލިއާނަގެ ފަޔަށް އަނިޔާ ވާނެއެވެ. ހޭ އެރި އިރު ފައި ގެ ވާހަކަ ލިއާނާ ނުބުނުމުން ޒެވިއަލް ހައިރާންވިއެވެ.
“މި އަޅުގަނޑު ބުނި ވާހަކަ..ބަލާ” ލިއާނާ ވައްޓައިލުމުން ވެސް ތެދުވެ ދެވަނަ ހަމަލާ އުޅުން ވަގުތު ފަހަތުން އައި މީހަކު އަތުގައި އޮތް ދިގު ދަނޑިބުރި އެއްފާޑު އެއްޗަކުން ލިއާނާގެ ބޮލުގައި ޖަހައިލިއެވެ. ފަހަތުން އައި މީހާ ވެސް ހުރީ ކަޅު އެއްޗިހިނުގައި ފޮރުވިގެންނެވެ. ބަލާ ބެލުމަށް އަންހެނެއް ހެން ވެސް ހީވެއެވެ. ދެމީހުން އެތަނުން ނުކުމެގެން ގޮސް ވަނީ ބަގީޗާގެ ތެރެއަށެވެ. ދެން ފެނުނީ އެތަނަށް އަރްކާންއާއި ނަވާޒް އައިސް ލިއާނާ ގެންދިޔަ މަންޒަރެވެ.
“ދެން ނެތް އެއްވެސް ކެމެރާއަކަށް އަރާފައެއް ފަހުން ގޮސް ގާޑެން ވެސް ބެލިން ..އެއްވެސް ހިލަމެއް ނުވޭ.. ލަފާކުރެވެނީ އަލާއަށް ހަމަލާ ދިން ދުވަހު މިގެއަށް ވައިން ގޮތައް ހެން ރޭގެ އެމީހުން ނުކުތީ..ލިއާގެ ހަބަރު ލިބިގެން އެންމެ ތެޅިގެން ވަގުތު ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓް ވާނީ އެހިސާބުގަ މީހަކު ނެތި.. އެންމެނަށް ވެސް ޝޮކް އެއް ލިބުނީ.. އެހެންވެ އެވަގުތު ދެވުނީ އެހިސާބުގަ ތިބި މީހުންނަށް ވެސް..އެމީހުން އެނބުރި ސްޕޮޓްއަށް ދިޔައިރު އެ ގަސް ކައިރީގަ އޮތް ވާގަނޑެއް..” ރަސަލް ކިއައިދިން ވާހަކަ ތަކުން ޒެވިއަލް އިތުރަށް ރުޅިގަދަވިއެވެ.
” މީގެ ފަހުން ބެކްޔާޑްގަ ވެސް މީހުން ތިބެން ވާނެ ..” އަރްކާންއަށް ފޯނު ކޯލެއް އައުމުން އެތަނުން ނުކުންނަން ދަމުން ބުނެލިއެވެ. ދަމުން ރަސަލްގެ ގާތު އައުމަށް ބުނެލިއެވެ. އެމީހުން ނުކުންއިރު އަޒީޒް އައިސްވަނެވެ.
“ދައްތަ ވެއްޖެ ލިއާގެ ގާތު ..މިއަދު ހިއްސާދާރުންގެ ބައްދަލްވުމެއް އޮތީމަ ކޮންމެހެން ވެސް އެގަޑިއަށް އޮފީހަށް ދާން ޖެހިގެން މިއައީ.. ޒެވް އެއްޗެއް ކައިފިންތަ” ޒެވިއަލްގެ ކޮނޑުގައި ޖަހާލަމުން އަޒީޒް އަހައިލިއެވެ. ޒެވިއަލް ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. އޭނާގެ މޫނުމަތީގައިވި ކަންބޮޑުވުން އަޒީޒް ދެނެގަތެވެ.
“ޒެވް..އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ ހުރިހާ ކަމެއް ވެސް.. މިހާރު ޕޮލިހުންވެސް އެމަސައްކަތުގަ އެއުޅެނީ.. އެމީހުންގެ އެހީ މިޙާރު އެބަ ބޭނުންވޭ ގާޑުކުރަން” އަޒީޒް ދޫކޮށްލީ ފިނި ނޭވާއެކެވެ. ތަކުރާރްވެގެން ގޭތެރޭގައި މިހިނގަމުންދާ ކަންތަކުން އެހެން ގޮތަކަށް ވިސްނަން އޭނައަށް ވެސް މިހާރު މަޖުބޫރެވެ.
“އަލާ އާއި އީވްގެ ކޭސްގަ ވެސް ޕޮލިހުންނަށް ނުކުރެވުނު މާ ބޮޑުކަމެއް.. ބޭބެ ދެން ތިބުނީ ރަނގަޅު ކަމެއް”
“އޭރު އަލާ އެދުނީ އެކަންތައް މަޑު ޖައްސާލަން ..އެކްސިޑެންޓަށްފަހު އަސްލު އެހާ ގިނަ ދުވަސް ތަކެއް ނުވޭ މިކަމެއް ޖެހުނީ..ޕޮލިހުންގެ ސުވާލްތަކަށް ޖަވާބު ދޭނެހާ ހިތްވަރެއް ދެމީހުން ކުރެ އެކަކުގެ ގަޔަކުވެސް އޭރު ނެތް..އެރޭ ހިނގައިދިޔަ ހާދިސާގެ ތަފްސީލެއް ވެސް ދޭކަށް ނޭނގުނު.. އީވް އަށް ވެސް ބުނަން އެނގުނީ ކަޅު އެއްޗިހުނުގަ ފޮރުވިފަ ހުރި މީހަކު ހަމަލާ ދިނީއޭ.. އެމީހެއްގެ ސިފަ އެއް ވެސް އަދި މައުލޫމާތެއް ވެސް ބުނާކަށް ނޭނގުނު … ޒެވްއަށް ވެސް ފެނުނެއްނު އަލާއަށް ވެފަ އޮތް ވަރު..ދެން އެހެންވެ އަލާ ޑިޕްރެސް ވެދާނެތީ ހުއްޓާލަން ޖެހުނީ..” އަޒީޒް ބުނަމުން ދިޔަ ވާހަކަތައް ވެސް ޒެވިއަލްއަށް ގަބޫލް ކުރެވުނެވެ. ނަމަވެސް ދެން އޭނާ ދޫދީގެންނެއް ނުހުންނާނެއެވެ. ލިއާނާއާއި ކުޅުމަށްފަހު އެމީހަކަށް އެހެން ދުރުގައެއް ނުހުރެވޭނެއެވެ. ދެން އެމީހަކަށް ޖެހޭނި އޭނައާއި ކުރިމަތިލާށެވެ.
“އަޒީޒްސާރ.. އަރްކާން ބުނީ އެ ގަސް ކަނޑާލުމަށް ފަހު އެހިސާބު ފާރުއުސްކުރުމަށް” ރަސަލް އައިސް ބުނެލި ވާހަކައަކުން އަޒީޒްއަށް ނިތް އަރުވާލެވުނެވެ. ޒެވިއަލްއަށްވެސް ވީ އެފަދަ ގޮތެކެވެ. އެގަހަކީ ކުޑައިރުން އަރްކާން މާ ގަޔާވާ ގަހެކެވެ. މިއަދު ހާލަތު ތަފާތު ނަމަވެސް ގަސް ކަނޑާލަން ބުނެފާނެއެކޭ އެކަކުގެ ހިތަކަށް ވެސް ނާރައެވެ.
“އެންމެ ރަނގަޅު އަރްކާން ބުނެފިއްޔާ އެކަމާ އުޅޭ” އަޒީޒް އޭރުވެސް ހުރީ އެ ހައިރާން ކަމުގައެވެ.
“ބޭބޭ ގޮސްލީ މިވަގުތު” ޒެވިއަލް އެތަނުން ނުކުމެގެން ދިޔައިރުވެސް ހިތާއި ސިކުނޑި އަށް ވެރިވެފައިވީ އަރްކާންގެ އާދަޔާއި ހިލާފްކަމެވެ. އަރްކާން އަނެއްކާ އެހުރީ ހަމައިގާ ބާއޭ ވެސް އެތައް ފަހަރަކު ހިތައް އެރިއެވެ.
”ޝުކުރު އަދާކުރަން ދާންވީބަ.. ނޫނީ ނުދާންވީބަ… މަކުޑަކޮން ވެސް ނެތް އޭނައާއި ވާހަކަ ދައްކާ ހިތެއް” ޒެވިއަލްއަށް ހުރެވުނީ އަނގަޔަށް ވައްތަރެއް ޖައްސައިގެންނެވެ. ހައަހަރު ވަންދެން އެދޭތެރޭގަ އޮތް ދުޝްމަންކަން އެހާ ފަސޭހައިން ނުފިލާނެއެވެ. މާޒީ ހަނދާންވާ ކޮންމެ ފަހަރަކު ޒެވިއަލްގެ ހިތާއި މުޅި ރޫހަށް ވެރިވެގަންނަނީ އާދަޔާއިހިލާފް ރުޅިވެރިކަމެކެވެ. “އަމިއްލައަކަށް ނުދާނަން…އެހާ ފަސޭހައިން ހަނދާނެއް ނުނެތޭނެ..” އެ ދިގު އިސްތަށިގަނޑުގައި އަތް ފުނާއަޅާލިއިރު ޒެވިއަލްގެ ކޯކަށިގަނޑަށް ވާންވެލިއެވެ.
ޒެވިއަލް ގޮސް ވަނީ އަލާރާގެ ކޮޓަރިއަށެވެ. ޓަކި ޖަހައިލުމުން ހުޅުވީ އީވާއެވެ. ޒެވިއަލް ފެނުމުން ރީތި ހިނިތުންވުމެއްގައި ހުރެ އޭނާ ނުކުތީ ދަމުން އެނގިލާށޭ ބުނުމަށްފަހުއެވެ.
“ކޮބާ އަދިވެސް ޝަވަން މަތިން ހަނދާންވެފަތަ” ޒެވިއަލް ގޮސް ހުއްޓުނީ ބެލްކޮނީގެ ރެއިލިންގްގައި އަތް އަޅުވާލައިގެން ހުރި އަލާރާގެ އެއްފަރާތަކަށް ވާހެންނެވެ. އެއް އަތް ރެއިންގް ގައި އަލުވާލައިގެން އަނެއްއަތުން ލައިގެން ހުރި ޖިންސްގެ ޖީބަށް އަތް ޖަހައިލާއިގެން ހުރިއިރު އެ ރީތިކަން އިހުނަށް ވުރެން ބޮޑަށް ހާމަވެއެވެ. ޝަވަންގެ ނަން ބުނުމުން އަލާރާގެ މޫނުމަތިން ދައްކަމުންދިޔަ ފޫހިކަމުން ޒެވިއަލް ހުރީ ނަގަންވީ މާނައެއް ނޭނގިފައެވެ. އެއްޗެއް ނުބުނެ ހުރިގޮތުން ހީވީ އޭނާ ރުޅިއައިސްހުރިކަން ޒެވިއަލްއަށް އަނގާލިހެންނެވެ. މައުސޫމް މޫނުމައްޗަށް ވެރިކުރުވަމުން ދިޔަ ކުލަތަކުން ޒެވިއަލްގެ ހިތް ލޯބިން ބަނޑުން ވަމުން ދިޔައެވެ. ކަޅި ޖަހާ ނުލާ ބަލަން ހުރިއިރު ހިތުގެ އެންމެ ހިމަ ނާރަށް ވެސް އިހްސާސް ވެލިއެވެ.
“އަނެއްކާ މަ މަތިންތަ މިސް ވެގެން އުޅުނީ..” ޒެވިއަލް ބުނެލި ޖުމްލައިން ތެޅިގަނެފައި އަލާރައަށް އެނބުރިގަނެވުނެވެ. މޫނަށް ވެރިވީ ފިޔާތޮއްޓާއި ރަތުގެ ކުލަވަރު އަމިއްލަ ނަފްސަށް ވެސް އިހްސާސް ވެލިއެވެ. ކުރިން ހުރި ފޫހިކަމުގެ ބަދަލްގައި މިހާރު މޫނުން ފެންނަން ހުރީ ލަދުރަކި ކަމެވެ.
“ބުނީމަ އެއްނު އެނގޭނީ ވެސް” އެ ފިރިހެން ވަންތަ އަޑު އަޑުމަޑުވެފައި އައިލެއް ފިރިހެންވަންތަ ކަމުން އަލާރާގެ ގައިން ހީބިހި ހަލުވާލިއެވެ.
“ކީއްވެ އެއްޗެއް ނުބުނެ ތިހުރީ..މްމްމް އެނގިއްޖެ .. މަ ނުގޮސްގެން ދޯ ތިހުރީ.. އެހެންވިއްޔާ މި ދަނީ…” އަލާރާގެ މޫނަށް ވެރިވި ކުލަވަރުން ޒެވިއަލްއަށް ޖަވާބު ލިބުނެވެ. ޒެވިއަލްގެ ހިތުގައި ކުޅެލީ އުފާވެރި ރާގެކެވެ. އަލާރާގެ މޫނުން ފެނިލި ލަދުރަކި ކަމުން އޭނާ ބޭނުންވީ އިތުރަށް ތަޅުވާލާށެވެ.
“ނޫން..ނޫން..ވެއިޓް” އަލާރާއަށް އަވަސް އަވަހަށް ބުނެލެވުނެވެ. ޒެވިއަލް ހުރީ އޭނާގެ ކުރިމަތީގައި އެނގޭތީ އަތް ހަރަކާތް ކޮށްލުމަށްފަހު އޭނާ ޒެވިއަލްގެ އަތުގައި ހިފައިލިއެވެ. ޒެވިއަލް ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.
“މްމްމް..އަ..އައި-” އަލާރާ އިސްޖަހައިގެން ބުނަން އުޅުނު ޖުމްލަ ހުއްޓާލަން ޖެހުނީ ކޮޓަރިތެރެއިން އިވުނު އިތުރު އަޑެއް ސަބަބުންނެވެ.
”އަލާ..” ޝަވަން ބެލްކޮންޏާއި ދިމާލަށް އައި އަޑުއަހާފައި ޒެވިއަލްގެ އަތުގައި ހިފާލައިގެން ހުރި އަތް އަލާރާ ނައްޓުވާލިއެވެ. ޒެވިއަލްގެ މޫނުމަތިން އިރުކޮޅެއްގެ ކުރިން ފެންނަން ހުރި ރީތި ހިނިތުންވުމުގެ އަސަރެއް މިހާރު އެމޫނަކު ނުވެއެވެ. އަލާރާ އަތް ނައްޓުވަލި ގޮތުން ހިތައް އުނދަގޫ ވިއެވެ.
“އަމް ގޮއިން..ހިއާޒް ޔޯ މޭން..” ޒެވިއަލް ނުކުމުގެ ދަމުން ބުނެލި ޖުމްލަ އަލާރާއަކަށް ކަމަކު ނުދިޔައެވެ. އެއްޗެއް ބުނަން ހިތައް އެރި ނަމަވެސް ޝަވަން ހުރުމުން އަނގަހުޅުވާލާކަށް ގަސްތެއް ނުކުރިއެވެ.
****
ބާރު ހިނގުމެއްގައި ޝަވަންގެ އޮފީސް ތެރެއަށް ވަދެގެން އައި ސޯފިއާ އައިސް ޖެހިގަތީ ސޯފާއަށެވެ. އެހެން އިންދާ ވަދެގެން އައީ ޝަވަންގެ ސެކެޓްރީ އާއިންއެވެ.
“ޝަވަން ސާރ މިވަގުތަކު ނެތް” އަދަބުވެރިކަމާއި އެކު އާއިން ބުނެލިއެވެ. ސޯފިއާ އަކީ ކާކުކަން އެނގޭތީ ހިސާބެއްގެ ނުތަވަސްކަމެއް އާއިންގެ މޫނުމަތީގައި ވިއެވެ.
“ތިކަން މަށައް ވެސް އެނގޭ.. އަލާރާ ހާ އަނދިރިއެއް ނޫން..އެހެންވީމަ ފެނޭ މިތާގަ ނެތް ކަން.. ކޮންތާކަށް ދިޔައީ” ރުންކުރުކަމާއި ބޮޑާކަން ނޫން އަސަރެއް ސޯފިޔާގެ ރާގުގައި ނެތެވެ.
“އަލާރާ މެޑަމް ކައިރިއަށް ދުރުވީ..އަންނާނެ ކަމަށް ބުނި ގަޑިއަކީ ދެގަޑި ބައި..”
“ގުޅާފަ ބުނޭ މަ އައިސް އެބަ އިނޭ..ހަމަ މިހާރު އަންނާށޭ.. ކަންކަމާއި އުޅެމުން ވެސް އަދިވެސް އެ އަންހެނާ ގަނޑު ފަހަތުން ތަ އެ ދުވެ ނަގަނީ..ބޮޑު މުސީބާތެއް ހުވާ.. މަރުވާކަށް ވެސް ނޫޅުނެއްނު” ސޯފިޔާގެ ބަސްމަގު ހުރިގޮތުން އާއިން އަޖައިބެއް ނުވެއެވެ. އެއީ ކޮންމެ ދުވަހަކުވެސް އައިސް އޭނާގެ ވާހަކަތައް ހުންނަގޮތެވެ. ސޯފިއާ ބުނިގޮތައް އޭނާ ޝަވަންއަށް ގުޅައިލުމަށްފަހު އެކަން އަނގާލިއެވެ.
“ސާރ ބުނުއްވީ އަންނަނީ ކަމުގަ..މިވަގުތު އަޅުގަނޑު ގޮސްލީ” އާއިން ނުކުމެގެން ދިއުމުން ސޯފިއާ ތުން އަނބުރާލިއެވެ. ދިހަ މިނެޓް ފާއިތުވެގެން ވެގެން ދިޔައިރު ވެސް ޝަވަން ނައުމުން ސޯފިއާ އިންތިހާއަށް ރުޅި ގަދަވިއެވެ. އެންމެ ފަހުން ނުކުމުގެން ދާން ހިނގައި ގައިން ހިނދު ޝަވަން އައިސް ވަންތަން ފެނުމުން ސޯފިއާ މޫނު ފުސް ކޮށްލިއެވެ.
“މަ އޭނަ ކައިރިއަށް ގޮސް ހުއްޓުނު ތަނާ ގުޅާފަ ބުނީ..މިއައީ ހަމަ…. ރޭގަ ކިހިނެތް ވީ” ސޯފިއާ ގެ ކުރިމައްޗަށްހުރި ސޯފާގައި އިށީންނަމުން ޝަވަން ރޯކޮށްލީ ސިނގިރޭޓެކެވެ.
”އޭނަ ނުބުނޭތަ…މަ ނުދިޔަ ނަމަ އެ ސޮރު ކޯޓުވީސް…” ސޯފިއާ ޖަހައިލީ ހިނިގަނޑެކެވެ. ޝަވަންގެ ތުންފަތް މަތީގައިވެސް ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ.
“އެއްޗެއް ބުނެވޭނެތަ..ހަހަހަހާ..އޭނަ އެންމެ ހަރަކާތެއް ގެނެޔަސް މުޅި ގޭ އެބަ އެލާޓްއަށް އާދޭ.. ވަރަށް ބޮޑަށް ޝުކުރިއްޔާ ރޭގަ ތިކޮށްދިން ކަންތަކަށް..”
“އިޓްސް ނަތިންގ.. ކޮން ކަމެއް ކުރިއަށް އޮތީ” ސަވަންގެ ތައުރީފީ ބަހެއް އިވުމުން ސޯފިއާ ހުރީ ފޮނިވާ ގޮތްވެފައެވެ. ވާހަކަ ދެއްކުނީވެސް އަޑު ތުއިކޮށްލައިގެންނެވެ.
“އިޓްސް ޖަސްޓް ބިގްނިންގ.. އެ އާއިލާ ފަނާ ކޮށްލާފަ ހުއްޓާލާނީ… އަހަރެންގެ ކޮއްކޮއަށް އިންސާފް ނުލިބުނުތާ އެއިން ކަމެއް އެމީހުން ނެތް މިއަދަކު ހަނދާނެއް.. އޭގެ ބަދަލް އެމީހުންނަށް ލިބެންޖެހޭނެ.. އެހެން އެކަކު ބައިވެރި ނުވިއަސް އަހަރެން މިހުރީ އެންމެ ފަހު ނޭވާއަށް ދާންދެން ވެސް މިކަމުގައި ދެމިހުރެ އެކަކަށް ވެސް ނުހުއްޓުވޭނެ..” ފިލްޓަރަށް ދަމާލުމަށްފަހު ދޫކޮށްލި ދުންތައް ޝަވަންގެ މޫނުމަތީގައި އެނބުރުނު އިރު އޭނަގެ ދެލޮލުގައިވަނީ ބަދަލްހިފުމުގެ ރޫހެވެ.
****
“ސާރ..އެންކްރިޕްޓް ވެފަ އިން ބޭންކް އެކައުންޓް ނަމްބާރ ދެނެގަނެވިއްޖެ.. އެކޮޅުން އެބަ އިން ފޮނުވާފަ..” އަރްކާންގެ ކެބިންގެ ތެރެއަށް ވައިން ޝުހާދު ދިއްކޮށްލި ފައިލްގައި އަރްކާން ހިފިއެވެ.
“ފާތިމަތު ސާރާ” އެކައުންޓް ނަމްބަރުގެ ތިރިއަށް ފެންނަން އިން ނަން ކިޔާލި އިރު އަރްކާންއަށް އެކައްޗެއް ވެސް ނުވިސްނުނެވެ.
“ފާތިމަތު ސާރާ އެއީ އެކައުންޓު ނަމްބަރުގެ ވެރިފަރާތް..ކޮމްޕެނީގަ އެބައުޅޭ ސާރާ ކިޔާ ހަ ފަރާތެއް ..އެއިން އެއްވެސްމީހެއްގެ އެކައުންޓް ނަމްބަރާއި މި ނަމްބަރެއް މެޗްއެއް ނުވޭ… އެކިގޮތް ގޮތުން ބަލާފިން..” ޝުހާދު އިތުރަށް ބުނެލިއެވެ.
“ޔަގީނުންވެސް މިއީ ކޮމްޕެނީގަ މަސައްކަތް ކުރާ ކޮންމެ ވެސް މީހެއްގެ ކަމެއް.. ކޮމްޕެނީއިން ބޭރު މީހަކަށް މިފަދަ އަމަލެއް ނުހިންގޭނެ.. ހާއްސަކޮން ފައިސާގެ ކަމަކަށް އަތެއް ނުފޯރުވޭނެ…އަމިއްލަ ނަން ނޫން އިތުރު ނަމެއްގެ ނަންމަތީގަ އެކައުންޓް ކްރިއޭޓްކޮށްގެން އުޅެނީ ކަމަށް ވެސް ވެދާނެ..އެހެންވެއްޖެޔާ ހޯދުމަކީ ވެސް އުނދަގޫ ކަމަކަށް ވާނީ..ދެން ޖެހޭނީ އަނެއްކާ ވެސް ބޭންކް އާއި ކޮންޓެކެޓް ކުރަން.. އަހަރެން އިންނާނީ އިތުރު އިޝޫއެއް އުޅެންޏާ ޝުހާދު ގުޅާނެ ވާހަކަ އެކޮޅަށް އިންފޯމްކޮށްލާފަ.. މިހާރު ޝުހާދުއަށް ހަވާލުވެވިފަ ހުރި ހުރިހާ މަސައްކަތެއް ބަހައްޓާފަ މިކަމާއި އުޅޭ…ވީހާވެސް އަވަހަކަ މިކަމަށް ހައްލެއް ހޯދަން އެބަޖެހޭ.. މްމްމް…ހަމްދީމެންގެ އޮފީހަށް ދާން އެބަ ޖެހޭ މީޓީންގ އަކަށް.. ” އަތުކުރީގައި އަޅާފައިވާ ގަނޑިއަށް ނަޒަރެއް ދެމުން އިށީންދެ އިން ގޮނޑިން އަރްކާން ތެދުވިއެވެ.
“އަޅުގަނޑު ދާނެތޯ..” ، “ނޫނޭ ޝުހާދު މަޑުކުރޭ..އެހާ ގިނަ އިރަކަށް ނޫން މިދަނީ.. މަށައް ފަނަރަ މިނެޓް އެމީހުންނަށް ދެވެން އިނީ” ބިއްރޫލި މޭޒުމަތީގައި އޮތް ކަޅުކުލައިގެ ރޭބަން އައިނު ނަގައިގެން އަރްކާން ދިޔުމަށް ނުކުތެވެ. ގަދަ ޗޮކްލެޓްކުލައިގެ ގަމީހާއި ކަޅުކުލައިގެ ޓްރައުޒާގައި އަރްކާންގެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. އަޅައިގެން ހުރި ކަޅުކުލައިގެ ހިމަ ދިގު ޓައީއަށް ދަމާލަމުން އައިނު އަޅައިލިއެވެ.
ކާރު ދުއްވަމުން ދިޔައިރު އަރްކާންގެ ހިތައް ވެރިވެގަނެފައިވީ އެވަގުތުވެސް ލިއާނާގެ ހިޔާލްތަކެވެ. ހޭއެރި ކަމަށް ޑޮކްޓަރު ބުނެލި ހިނދު އަރްކާން ނުކުމެގެން އައީ އެތެރެއަށް ނުވަދެއެވެ.އޭނާ އެތެރެއަށް ވަންނަން ވީ ކޮން ހައިސިއްޔަތަކުން ބާއޭ ހީވެ ކިތަންމެ ވަންނަން ހިތް އެދުނު ނަމަވެސް ފަސްޖެހެވުނީއެވެ. ނަވާޒްގެ ފަރާތުން ހާލު ރަނގަޅުކަން އެނގުނު ނަމަވެސް ލިއާނާ ދުށުމަށް ހިތް އެދެވެނީއެވެ.
“އޭމް އައި މިސިން ހާރ..”އަރްކާން ދޫކޮށްލީ ފުންނޭވާއެކެވެ. ސިކުނޑިއަށް ބުރަ ބޮޑުވެފައިވީ ދަނޑިވަޅެއްގައި ވެސް ލިއާނާގެ ހިޔާލްތަކުން ހިތައް ފިނިކަން ލިބެނީ އާދަޔައި ހިލާފް ގޮތަކަށެވެ. “އައި ޝުޑް ވިޒިޓް ހާރ.. ކުރީ ފަހަރުގެ ކަންތަކަށް ފޮގިވް ވެސް ކުރީއެއް ނޫން އަދިވެސް.. ވައި އައި ފީލް ލައިކް އައި މިސް ހާރ ..އާހްހް” އަރްކާން ތުންފަތުގައި ދައިގަނެގެން އިނެވެ. ލިއާނާގެ ހިޔާލްތަކުގައި އިނދެ އަންނަން ވީ މަންޒިލަށް އާދެވުނު ލެއް ވެސް ހީވީ މާ އަވަސް ހެންނެވެ.
ޕާކިން އޭރިއާގައި ކާރު ޕާކު ކުރުމަށްފަހު ސީޓް ބެލްޓް ނައްޓާލަމުން ދިޔަ އަރްކާންއަށް އެއްލި ކަޅިއަކުން ފެނުނު ސޫރައަކުން ހުއްޓުން އެރިއެވެ. އޭނާގެ ފަހަތުން ދެން ނުކުން މީހާ ފެނި އަރްކާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކާރުގެ ހުންގާނުގައި ހިފާ ބާރުކޮށްލިއިރު ރުޅިގަދަވެގެން ގޮސް މީހާގެ މޫނު ރަތްވިއެވެ. ކާރުތެރެއިން ފައިބައިގެން އެދިމާލަށް ދިޔަ ހިނދު މަގުމަތީގައި އޮތް ކަޅުކުލައިގެ ވޭންއަކަށް އެދެމީހުން އަރައިގެން ދިޔައެވެ. ތޮފިތައް އަޅައިގެން ތިބި ނަމަވެސް އެމީހުންނެއް އަރްކާންއަކަށް ނޯޅޭނެއެވެ. ފޯނު ނަގައި އޭނާ ތައްޔާރުވީ އެހަބަރު ދޭން އެންމެ އައުލާ ކަން ބޮޑު ފަރާތައް ދިނުމަށެވެ.
***
ލިއާނާ ކައިރިއަށް ދިޔުމަށް ގެއިން ނުކުމެ ނުކުމެ ހުރި ޒެވިއަލް ހުއްޓުނީ ފޯނު ވައިބްރޭޓްވި އަޑަށެވެ. ފާރަށް ލައްގަނެލައިގެން ހުރެ ފޯނު ނަގާ ބަލާލިއިރު އަރްކާންގެ މެސެޖްއެކެވެ. “އައްދޭ މީނަ ހާދަ ވަރަކަށް މަ މަތިން ހަނދާން ވެގެން މިއުޅެނީ..”ފާޑަކަށް އަނގަހަދާލައިގެން ހުރެ ޒެވިއަލް އެ މެސެޖް ބަލައިލިހިނދު ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
“ވަޓް ދަ ހެލް” ދަތްތަކަށް ބާރުވި އިރު ރުޅިގަދަވެގެން ޒެވިއަލް ތުރުތުރުއަޅައެވެ. ވާނުވާ ނޭނގޭވަރުވިއެވެ. “ގާތިލުން މިނިވަން ވެއްޖެ” އަރްކާން ފޮނުވި ފޮޓޯއާއި އޭގެ ތިރީގައިވާ މެސެޖް ދެވަނަ ފަހަރަށް ބަލައިލި ހިނދު ޒެވިއަލްއަށް ފާރަށް ބާރުހުރި ގޮށްމުށުގެ ހަމަލާއެއް ދެވުނެވެ. މީހާ ތުރުތުރު އަޅަމުންދިޔައިރު މޫނުމަތިން ފެނިގެންދަނީ ރުޅީގެ އިންތިހާއެވެ.
***
(ނުނިމޭ)