ހިރާސް 1 (01) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (01)

ފަޒާގައި ހިފާފައިވަނީ ތެއްފިނިކަމެވެ. އިރުކޮޅެއް ކުރިން ބޯކޮން  ވެހުނު ވާރޭ ހުއްޓުމަކަށް އައި ނަމަވެސް އަދިވެސް ދަނީ ހިމަފޮދު ވާރޭގެ އަސަރު ކުރަމުންނެވެ. ޖެހިލާ  ބާރު ފިނި ވައިރޯޅިތަކުން ގައިން ހީބިހި ހަލުވާލައި ތުރުތުރު އަޅައެވެ. އެ ވައިރޯޅި ތަކަށް ކެތްނުވެގެން ގަސްގަހުގެ ފަތްތައް ދިޔައީ ފަޒާގައި ނަށަމުންނެވެ. އަސުރުގެ ބަންގިގޮވި ފަހުން އަދި މިވީ ކުޑަ އިރުކޮޅެއް ނަމަވެސް ވިއްސާރައިގެ ސަބަބުން ހީވަނީ އިރުއޮށްސިފަވާހެންނެވެ.

ކޮޓަރީގެ ކުޑަ ބެލްކަނިކޮޅުން ފެންނަމުންމިދާ މިހިތްގައިމު މަންޒަރަށް ގެއްލި ހުސްވެއިން ޒީވާގެ އަތުގައިވާ ކޮފީތަށި މަޑުމަޑުން ދިޔައީ ހުސްވަމުންނެވެ. ލަސްލަހުން ކޮފީ ފޮދުވަރުތައް އަރުން އެތެރެކުރަމުން ދިޔައި އިރު އޭރު މުޅިހިސާބުގައި ވަނީ ކޮފީގެ މީރުވަސް ހަރުލާފައެވެ. އެތާގައިވާ އެކަކަށް އިށީންދެވޭ ވަރުގެ ސޯފާގައި ޒީވާ އިނެވެ. . ކޮޓަރީގެ އެ ވާ ކުޑަ ބެލްކަނީ ކޮޅުގައި ޒީވާ ވަނީ އެންމެ ކަމުދާ މާ ކަމުގައިވާ އޯކިޑްގެ  ބާސްކެޓް ތަކުން ފުރާލާފައިއެވެ.ބެލްކޮނީގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ އޯކިޑްގެ އެކި ވައްތަރުތަކެވެ.

ފެންނަނީ  “އެވާރ ގްރީން” ގޭގެ މުއްސަނދިކަމެވެ. ގޭގެ ޖުމްލަ ދިހަ ފަންގިފިލާ ހުންނަ އިރު ހަތް ބައި ހުންނަނީ ކުއްޔަށްދީފައެވެ. އެންމެ މަތީ ބައި ޒުހޫރު އަދި ކުލްސޫމާގެ އެއްމާބަނޑު ދެބެންގެ ތެރެއިން އެންމެ ދޮށީ ޒައުލް އަށް ހާއްސަ ކުރެވިފައެވެ. ނުވަ ވަނަ ފަންގިފިލާ ވަނީ އެޔާއި ޖެހުނު ޒީހާން އަށް ހާއްސަ ކުރެވިފަ އެވެ. ޒީވާ އާއި އާއިލާގައި ބާކީ ދިބި މެމްބަރުން ދިރިއުޅެނީ ގޭގެ ތިންވަނަ ފަންގިފިލާގައެވެ. ގެޔަކީ ޒީވާގެ ބައްޕަ ފަރާތު މާމަގެ ގެޔެއް ނަމަވެސް މާމަ ދުނިޔޭގައި ގޭގެ ރަޖިސްޓްރީ ވަނީ ޒީވާގެ ބައްޕަ ޒުހޫރު ނަންމައްޗައް ބަދަލް ކޮށްފައެވެ.

 

ޖެހިލި ފިނި ވައިރޯޅިއަކުން ޒީވާގެ  ކޮނޑާއި ހަމަ އަށް އަރާ ކަޅު ދިހުންކުލައިގެ  ފަންފަން އިސްތަށިގަނޑުން ބައެއް އެ މޫނަށް އެޅުމުން އެ ހިމަ ހޯލި ކޮޅެއް ފަދަ އިގިލިތަކުން އެއްފަރާތް ކޮށްލިއެވެ. ދިގު އެސްފިޔަތަކުގެ ނިވަލުގައިވާ އޭނާގެ “އެސްތެޓިކް” ފެހި ކުލައިގެ ދެލޯފެންނަ މީހަކު ހިތްތައް ކަތިލާހައި ރީއްޗެވެ.އިސްކޮޅުން ހަތަރު ފޫޓު ހުރި އިރު ހެޔޮވަރުވަރުގެ ރޫފަ އެއް ލިބިފައިވާއިރު އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޭނަގެ ކުލަ އަލި ހަންގަނޑެވެ. އައިބެއް ނެތް ހިމަ ނޭފަތުގެ އިތުރުން މަޑު ރަތްކަމެއް ވާ ހިމަ ތުންފަތެކެވެ.

އެ ތޫނު ދެލޮލުން ވަށާގެން ފެންނަމުންދާ އުސްއިމާރާތްތަކަށް އަވަސްކަޅިއެއް އެއްލިއެވެ. ވިއްސާރަ ދުވަހެއް ނަމަވެސް މަގުމަތިން މީހުން ހުސްނުވާތީ ޒީވާ އަށް އަގައިން އަޑެއް ލައްވާލެވުނެވެ. ބެލްކަނިން ބޭރަށް ބޯދީގެން އޮތް އިރު  މަގުމަތިންދާ މީހުން ތިބެނީ އެ ހިތްގައިމު މަންޒަރުން ބަސް ހުއްޓިފައެވެ. ކޮންމެ މީހަކު ވެސް  ފަސްދީފައި ދަމުން ވެސް މިފެންނަ ގުދުރަތީ ރީތި މިސާލަށް ބޯއަރި ކޮށްކޮށްފައި ވެސް ބަލަމުން ދިޔައެވެ. މަގު ހިނގާމީހުންގެ ނަޒަރުންތައް އޭނަ އަށް އަމާޒުވެފައިވާކަން އިޙްސާސް ވެގެން ޒީވާ ލަދު ގަންނަ ގޮތް ވިއެވެ. އެހެންލާފައި ދިޔަޒުވާން އަހެން ކުދިންތަކެއް އޭނާ ފެނިގެން ހަސަދަވެރިވެފައި ބަލަންތިބިގޮތުން އޭނާ ކައިރިޔަށް ހިނިއަންނަ ގޮތްވި އެވެ. އުމުރުން ބާވީސް އަހަރުވެފައިވި ޒީވާ އަށް މިއީ އާކަމެއް ނޫނެވެ. އަބަދުވެސް އޭނާއަށް މިއީ ތަހައްމަލު ކުރަން ޖެހިފައިވި ކަމެކެވެ.

އެހެން ހުއްޓާ ސިހިފައި ފަސް އެނބުރި ބަލާލެވުނީ އޭނާގެ ފޯނު އެލާރމް ވިއަޑަށެވެ. ބެލްކޮނީން ފެންނަމުންދިޔަ މޫސުމީ ނަލަކަމަށް ގެނބިފައި ހުރުމުގެ ސަބަބުން ގަޑިދިޔަގޮތް ވެސް ނޭނގުނެވެ. ގަނޑިން ހައެއް ޖަހަން ސާޅީސް މިނެޓަށް ވީއެވެ. ތެޅެމުން ފޮޅެމުން ފާހާނާ އަށް ވަދެ އަތްމަތި އަވަސް ކަމާއެކު ފެންވަރާލީ ގަޑި ނުޖެހި އޭނާ މަސައްކަތް ކުރާ “ބްލޫ-އައި” ހޮސްޕިޓަލަށް ދިޔުމަށްށެވެ. އޭނާ އަކީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ހީވާގީ ނަރުހެކެވެ. ޒީވާ ހުރީ ރޭގަނޑުގެ ކެއުމަށް ކެއްކުމަށްފަހު ފުދޭވަރަކަށް ދާހިއްލާފައި  ކަމައްވާތީ އޭނާ ބޭނުންވީ ފެންވަރާލަމުށެވެ. އަވަސް ވީ ގޮތަކުން ނަރުސް ޔުނީފޯމް ގަޔަށް މަހާ ލައިގެން ކޮނޑައި ހަމައަށް އަރާ ފަން އިސްތަށިކޮޅުން ހުޅިޖަހާލުމަށްފަހު  ހިތް ފުރެންދެން ސެންޓް ޖަހާލައިގެން އަތްދަބަހަށް ބޭނުންވާނޭ މުހިންމު ސާމާނުކޮޅު އަޅައިގެން ކޮޓަރިން ބޭރަށް ނުކުންއިރު ކުރިމަތީގައި ހުރި މޫނު ފެނި ސިހިގެންދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ފުރަތަމަ ފިޔަވަޅު ހުއްޓާލަންޖެހުނީ އޭނާ ގަޔަށް އަރާގެންދިޔަ ހަމަލާގެ ސަބަބުންނެވެ.

އެއީ މިރެޔަށް އޭނާހެދި ކުޅިމަސް ތައްޓެވެ.މުޅި ޔުނީފޯމް އެކީ ހަޑި ވިއެވެ.  “މަންމާ..” ޒީވާގެ އަނގައިން މަޑުމަޑުން އެ ލަފްޒު ބޭރުވި އިރު ދެލޯ ފެންކަޅިވެގެން ދިޔައެވެ.

” ކޮން މަންމަ އެއް ކިޔާކަށް …މަށަކަށް މަންމަ ކިޔާނެ ކަމެއް ނެތް.. ކަލެޔަށް ނޭނގެނީތަ މިއަދުމިއީ އަންގާރަ ދުވަސް ކަމެއް..އޭނނ..އޮންނާނީ ކަލެޔަށް ޝެޑިއުލެއްދީފަ..އޭގަ އިންނާނެ ބޮޑު އަކުރުން މިރެޔަށް ކައްކަން ވީ އެތި ލިޔެފަ ..މިގޭގަ ހިނގާނީ މަގޭ އަމުރު .. ކަލެޔަށް މިގޭގަ އުޅެވޭނީ މަ ބުނާ ކަންކަން ކޮށް ގެން..ޖެހިފަ އޮތް ބޮޑު ބަލާވެރިކަމޭއް..ވިހޭތަނުން މަރުވި ނަމަ ކޮންފަދަ” ކުލްސޫމާ ހިތަށް އައިހާ އެއްޗެއް ގޮވާމުން ދިޔައިރު ޒީވާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.

“ސޮރީ..މަންމާ.. އަހަ..އަހަރެންް…މަޝްރޫމަށް އެލާޖިކް..  އެހެންވެ ހެދީ ކުޅި މަސް..އެއީ..މަންމަމެންނަށް ހެދި ކާ އެއްޗިސް ހުންނާނެ މޭޒަށް ނަގާފަ..ކޮއްކޮގެ..” ގިސްލެވޭވަރުން  ޒީވާ އަށް ވާހަކަ ދެއްކުނީ ކިރިޔާއެވެ.. ބުނަން އުޅުން ޖުމްލަ ފުރިހަމަ ނުކުރެވެނީސް ކޯތާފަތައް އަރައިގެން ދިޔަ ހޫނު ހަމަލާއިން ޒީވާގެ ހޭ ފިލާ ނުދިޔައީ ކިރިޔާއެވެ.. ކުލްސޫމާގެ އަތުގެ ހޫނު ހަމަލާއަށް ފަހު ވެސް އޭނާ މައިތިރިވާކަށް ނޫޅެއެވެ.

” ކިހާބޮޑު ކަމެއްމި ދެން…ގޭގަ ހުރި އެއްޗިސުން ކަލޭ ހިތުހުރި އެއްޗެއް..ނުހެދޭނެ ..މަ މޫނު މަތީގަ ޒުވާބު ކުރަން ނުހަދާ ރައްކާވޭ..”އޭނާ ޒީވާގެ އިސްތަށިގަނޑުގައި ހިފާ އަތުކޮޅަށް ހޫރާލި ބާރު މިނުގައި ވިއްސައިގެން ގޮސް ބޯ ޖެހުނީ އޭނާގެ ކޮޓަރީގެ ދޮރު ދާރައިގައެވެ.. ވީ ތަދުން ޒީވާއަށް ކެތްކުރުން ވީ ދަތި ކަމަކަށެވެ. ކުލްސޫމާގެ ހިތްފުރުނީ ކަންނޭގެއެވެ. އެއްވެސް ރަހުމެތް ނެތި އެތަނުން ދުރަށް ހިނގައިގަތެވެ.

ފާރުގަ އަތް ހާކަމުން ޒީވާ އަށް ކޮޓަރިޔަށް ވަދެވުނީ ކިރިޔާއެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ނިތްކުރިމަތިން އިނީ ކުޑަ ތަންކޮޅެއް ފަޅައިގެން ގޮސްފައެވެ.މިއީ ކޮންމެ ދުވަހަކު ވެސް ޒީވާެ ހާލެވެ. އަމިއްލަ ގޭގައި އުޅެންޖެހިފައިވަނީ ނޯކަރެއް އުޅޭ ބީދައިންނެވެ. ނަމަވެސް ގޭގައި ކުަރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާލަނީ އެއްވެސް ޝަކުވާއެ ނެތިއެވެ.އެހާ ވެސް ޒީވާ ހިތްތިރިއެވެ.

ރޮމުން ރޮމުން ގޮސް ފަސްޓް އެއިޑް ބޮކްސް އިން މަލަންކޮޅެއް ނަގާލައިފައި ނިތްކުރިމަތިން ފަޅައިގެން ގޮސްފައިވާ ތަންކޮޅުގައި ހިއްޕާލިއެެވެ. ފޯނުން ގަޑި ބަލާލި އިރު ހަތެއް ޖަހަނީ އެވެ. ނަމަވެސް ހިއްވަރު ކޮށްލާފައި  އޭނާގެ ޝިފްޓްގެ ހެޑް  އަށް މެސެޖެއް ކޮށްލީ ގޭގައި ކަމެއް ދިމާވެގެން ލަސްވީ ކަމުގަ ބުނެފަ އެވެ.. އިރުކޮޅެއް ނުވެ ހެޑް ނަޒްރާ އެ ކަމެއް ނޫން ކަމަށް ބުނެ އަށެއް ޖަހަާ އިރު ޑިއުޓީ އަށް އަރާންވާނެ ކަމަށް ބުނެ މެސެޖު ކުރުމުން ޒީވާގެ ހިތައް ފިނި ކަމެއް ލިބުނެވެ. ނަމަވެސް ރޮއިރޮއި މުޅި ދެލޯ ވަނީ ދުޅަވެފައެވެ. އެހެން ހުއްޓަ ފެނިއްޖެ ނަމަ ޔަގީނުން ވެސް ނަޒްރާ ގެ ސުވާލް އަންނާނެއެވެ. އެވަގުތު ކުއްލިޔަކަށް ދޮރު ހުޅުވިގެން ދިޔަ އަޑަށް ބަލާލި އިރު ހުރި ކުލްސޫމާ ފެނުމުން ޒީވާގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ.

*****

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު