ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 37 – Vaahaka by Ann
ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 37

 

“އެންމެން ވެސް ކުޑަ ކޮން ގޭމް ކުޅެލަން އެބަ ޖެހޭ.. ނަމަ ނަމަ އީވާގެ ކައިރީގަ މިއިން ވާހަކަ އެއް ނުބުނައްޗޭ މަންމާ… ބައްޕާ ހާސް ނުވޭ.. ބައްޕަ ނުބުނަމެންނު މެހެމާނުން ކައިރީގަ ވެސް މިރޭ ކުރިޔަށް ގެންދަން ހަމަޖެހުނު އިވެންޓެއް.. ސަޕްރާއިޒް އެއްގެ ވާހަކަ އެންނު ބުނީ.. މެހެމާނުންގެ ކުރިމަތީގައި ލަދު ގަންނާކަށް ނުޖެހޭނެ.. އަހަރެން ކަމެއް ރާވާފަ އޮންނާނެ މާ ކުރިން ވެސް މިރެއަށް.. އުންމީދު ކުރަން ކަމުދާނެ ކަމަށް” ވާހަކަ ދައްކަމުން ގޮސް އަރްކާން އެންމެ ފަހު ޖުމްލަ ބުނެލީ ފާޑަކަށް ހެވިފަ ހުރެއެވެ.

****

“ނަސީބެންނު ދަރިފުޅަށް ތި ވަރު ވިސްނުން ކަން.. އާން ހިނގާ ދެން ލަސް ނުކޮށް… ތި ކުރަން އުޅޭ ކަމެއް ބަލާލާ ހިތުން މިތިބެނީ.. ކީއްވެތަ އީވް ކައިރީގަ އަލާ ގެ ވާހަކަ ނުބުނަން ވީ” ދިނާޔާ ދިއްކޮށްލި ޓިޝޫއަކުން މޫނު ފުހެލަމުން އަޒީޒް އެއްސެވެ.

“އީވާގެ މިޒާޖު ހުންނަ ގޮތުން ރުޅި އައީމަ އަނގަ ގަދަވެގެން ވެސް ބުނެފާނެ” އީވާގެ ނަން ބުނެލި އިރު އަރްކާންގެ މޫނުމަތިން ފެނިލި ހަރުކަށިކަމާއި ފޫހިކަމުން ދިނާޔާއަށް  ދަރިފުޅާއޭ ކިޔާ ގޮވާލެވުނެވެ. އަރްކާން އެއްޗެއް ނުބުނެ ބޭރަށް ހިނގައިގަތުމުން އެހެން މީހުން ވެސް ފަހަތުން އައެވެ.

ހޯލްއަށް އާދެވުނު އިރު ޝުހާދު އައިސް މައިކް ދިއްކޮށްލީ އަރްކާން އަތަށެވެ. ސްޓޭޖް ކޮޅަށް   ނަޒަރެއް ދިން އިރު އެދިމާ އަނދިރިކޮށްފައި ހުރުމުން، ތަނެއް ވަކި ވާވަރެއް ނޫނެވެ. އޮރެންޖްގެ އެކި ކުލަތަކުގެ އަލިތަކުން މެހެމާނުން ތިބި ހިސާބަށް އަލިކަން ވާއިރު މަޑު މިއުޒިކެއްގެ އަޑު އިވިއިވި ހުއްޓެވެ.

” ބަލާލަ އެހެރަ ކަމެއް” ޝުހާދު ފާޑަކަށް ހެވިފައި ހުރެ ދައްކައިލީ ރައިހާއާއި އެކު އަންނަމުން ދިޔަ ލިއާނާއަށެވެ. ޝުހާދު ދެއްކި ދިމާލަށް ބަލައިލި ހިނދު އަރްކާން ވެސް ބަސް ހުއްޓުނެވެ.

“ރައި ކީއްކުރަން މަ މިހެދުން ލެއްވީ އެއް.. މިހާ އަގުބޮޑު ހެދުމެއް މަށަކާ ނުވެސް ގުޅޭ.. މިހެދުން ހޯދި ގޮތެއް ވެސް އަޅެ ބުނެބަލަ…އަދި ނުލާނަމޭ ބުނީމަ އަހަރެން ލައިގެން ހުރި، އެއޮތް ރީތި ހެދުމަށް ޖަހާލީ އަތުގަ ހުރި ކޯކް ތަށި.. އެއްބައި ފަހަރު ވިލަން އެއްމި..” ރައިހާގެ އަތުގައި ހިފާލައިގެން ހުރި އިރު އަރާފައި ހުރި އުސްފައިވާނުން ފައި ފުރޮޅިގެން ގޮސްފާނެ ކަމުގެ ބިރުވެސް ހިތުގައި އޮތެވެ.

ލިއާނާ ލައިގެން ހުރީ ބާގަންޑީ ކުލައިގެ ލޭސް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައި ވާ މެކްސީއެކެވެ. ކަޅު ކުލައިގެ ހައި ހީލްސްގައި ވަކިން ފުރިހަމަ އެވެ. ރައިހާއެކި ގޮތް ގޮތައް މަޖުބޫރުކޮށް ބާރު ފޯރުވައިގެން ލުއި މޭކަޕެއް ވެސް ވަނީ ކުރުވާފައެވެ. ލިއާނާގެ ރީތިކަން ބަޔާންކޮށްދޭން އަރްކާންގެ ދުލަށް އެކަށީގެންވާ ފަދަ ބަހެއް ވެސް ނައެވެ. ގެއްލި ހުސްވެފައި ހުއްޓާއި ޝުހާދު ކަރުކެހިލުމުން ސިހިފައި ބަލައިލި އިރު އޭނާ ލާނެއް ހިންޏެއް ހީލައިގެން ހުއްޓެވެ.

“ދެން ސުވާލް ފޮށި އިހަށް އޯޕެން ނުކޮށްބަ.. ބުނީމެންނު އީވާ ވެސް އަންނާނެ ތީ، އަހަރެން ގެނައި އެކްސްޓްރާ ހެދުމެކޭ ތިއީ.. އޭނަ އައިސް އަހަރެންގެ ހެދުން ވެސް ކަފާލާ ފާނެ އެންނު…ނޫނީ ހެދުމުގަ ހުޅު ވެސް ޖަހާފާނެ އެންނު..  މި އެންމެން ތެރޭގަ ވެސް އޭނާގެ ހަމަލާ އެއް ނާންނާނެއެކޭ މަގޭ ހިތެއް ނުބުނޭ.. .. ނަސީބެންނު ތި ގެނެވުން ކަން ވެސް.. ހެޔޮ ނުވާނެ ތި ބޮޑު އަނގަ ނުހުޅުވާ ހުރެބަލަ އިހަށް” ލިއާނާ ސުވާލް ކުރާ ވަރުން ރައިހާ އެންމެފަހުން ބުނެލައިފިއެވެ. ލިއާނާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. އެހެން ތިއްބާ އައިސް ހުއްޓުނީ ޝުހާދު އެވެ.

“އެހެމް..އެހެމް.. މިސް.. މޭ އައި” ޝުހާދު ހެވިފައި ހުރެ އަތް ދިއްކޮށްލުމުން ލިއާނާއަށް ބުމަ އަރުވާލެވުނެވެ. ރައިޙާ ވެސް ހެވިފައި ހުރެ އަވަހަށް ހިފާށޭ ބުންނެވެ. ނަމަވެސް ލިއާނާ ހުރީ ދެފިކުރެއްގައެވެ. ޝުހާދުއާއި ކިތަންމެ ގާތަކަސް މިހާރު އެފަދަ ކަމެއް ކޮށްފިނަމަ އަރްކާން ހިތްހަމަ ނުޖެހިދާނެތީ އެކަމާ ވިސްނާލެވުނެވެ.

“އަރްކާން ސާރ ބުނެގެންނޭ..”ލިއާނާ މަޑުމަޑުން ހުންނަން ފެށުމުން ޝުހާދުއަށް ވިސްނިގެން ބުނެލިއެވެ. އަރްކާންގެ ނަން ބުނުމުން ބޯޖަހާލާފައި ލިއާނާ އަތް އަޅުވާލިއެވެ. ރައިހާ ވެސް އެމީހުންގެ ފަހަތުން އައެވެ.

“ކީއްވެތަ ސްޓޭޖް އެހާ އަނދިރީ.. ކޮބާ ތަ އަރްކާން..ކީއްތަ ކުރަން ތިއުޅެނީ..” ސުވާލަކަށް ފަހު ސުވާލެއް ލިއާނާ ކުރަމުން ދިޔައިރު ރައިހާ މަޑުން ހުރުމަށް ބުނެ ލިއާނާގެ ގައިގާ ވިކައިގަތެވެ.

“އައުޗް” ދެލޯ އަލާލައިގެން ހުރެ ފައިން ރައިހާގެ ފަޔަށް ލުއި ހަމަލާއެއް އަރުވާލިއެވެ. ދެމީހުންގެ ކޯޅުން ފެނި ޝުހާދު ގާތައް ހުރީ ހިނިއަންނަ ގޮތް ވެފައެވެ. ޝުހާދު މަޑު ކޮށްލީ އެންމެ ފަހަތުގައިއެވެ. ހުރިހާ މެހެމާނުންގެ ފުރަގަހަށް ވާހެންނެވެ. އެހެން ހުއްޓާ  ކުއްލިއަކަށް ފެނިލީ އަރްކާން ސްޓޭޖާއި ދިމާލަށް ދާތަނެވެ. އަރްކާން ސްޓޭޖަށް އެރިވަގުތު މެހެމާނުން ތިބި ތަނުގެ ލައިޓް ތައް ވެސް ނިއްވާލެވުނު އިރު ހަމަ އެކަނި އިން ލައިޓް އެޅިފައިވަނީ އަރްކަން ހުރި ދިމާލަށެވެ.

“އައްސަލާމް އަލައިކުމް” އަރްކާންގެ އަޑާއި އެކު އެންމެން އެންމެންގެ ފުރިހަމަ ސަމާލްކަން އެކަމަށް ހުއްޓުނެވެ. ފަރިތަކަމާއި އެކު އިނގިރޭސި ބަހުން، އަރްކާން ވާހަކަ ދައްކަމުންދިޔައީ ރިޞޯޓްގެ ކަންކަމާއި ބެހޭ ގޮތުންނެވެ. ހާޒިރީން ނުހަނު ގަޔާ ވެފައި ތިބެ އަޑުއަހަމުންދިޔައެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ހަފްލާގައި ބައިވެރިލެއްވީތީ…އަދި ހުރިހާ ބޭފުޅުންނަށް ވެސް އެނގިލައްވާފަ ކަންނޭގެ އޮންނާނީ، ސަޕްރައިޒް އިވެންޓެއް އޮންނަ ވާހަކަ.” އަރްކާން ބުނެލަމުން ބަލައިލީ ލިއާނާ ހުރި ހިސާބެވެ. އެންމެންތަކުގެ ފަހަތުގައި ހުރިތަން ފެނުމުން ތުންފަތް މަތީގައި ފެވިލީ ތަފާތު ހިނިތުންވުމެކެވެ.

” ޓްޑޭ އައި ހޭވް ޑިސައިޑެޑް ޓް ޝެއާރ އަ ސްޕެސިއަލް މޯމެންޓް ވިތް ޔޯ  އޯލް.. މިދުވަހަށްޓަކައި ވަރަށް ގިނަ ދުވަސް ވެއްޖެ އިންތިޒާރު ކުރަމުންދާތާ.. މި ވެގެން ދާނީ އަޅުގަނޑުގެ މަންމައާއި ބައްޕަ އަށް ލައިފްޓައިމްގަ ވެސް ދެވޭނެ އެންމެ ބޮޑު ސަޕްރައިޒްއަށް.. ލިއާނާ ޒާފިރް… ކަމް” އަރްކާންގެ ޖުމްލަތަކުން ހޯލުގައި ތިބި އެންމެން ވެސް ވަށައިގެން ހޯދާލީ ހައިރާންވެފައެވެ. އޭރުވެސް ސްޓޭޖް އަދި މާހައުލު ވެސް އޮތީ އަނދިރި ކޮންނެވެ.

ލިއާނާ ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ ވަރަށް ހެވިފައި ހުރެ ރައިހާ ކޮއްޓާލާފައި އަވަހަށް ދިޔުމަށް ބުނެލިއެވެ. އަރްކާން ކުރަން އުޅޭކަމެއް ނޭނގޭތީ އޭނާގެ ހިތުގެ ހަމަޖެހުން ވެސް ވަނީ ގެއްލިފައެވެ. އެންމެ ފަހުން ހިނގައިގަން ހިނދު އޭނާގެ ކުރިމައްޗަށް އޮތް މަގައް، މަތީގައި ހުރި ލައިޓްތައް އަޅުވާލިއެވެ. އެހިނދު އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅާއިގަތީ އޭނާގެ ފައިން ފެށިގެން، ސްޓޭޖް ކޮޅާއި ހަމަޔަށް އޮތް ރަތްކުލައިގެ ދޫލައެވެ. ކުރިން އަނދިރި ކޮށްފައި އޮތުމުން އެ ކަން އޭނާއަކަށް ފާހަގައެއް ނުވިއެވެ. ދެލޯ ބޮޑު ވެފައި ހުރެ ވަށައިގެން ނަޒަރު ހިންގާލި އިރު އެންމެން އޭނާއަށް ބަލަމުންދާތަން ފެނި ހިންދިރުވާލެވުނެވެ. އޭނާ އަރްކާންގެ މޫނަށް ކަޅިއަލައިލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. ލާނެތް ހިނިތުންވުމެއްގައި އަރްކާން ހުރެފައި އެއް ލޯ މަރައިލިއެވެ.

ލިއާނާ މަޑުމަޑުން ހިނގާފައި ސްޓޭޖްކޮޅަށް އެރި ހިނދު އަރްކާން އައިސް އެ މަޑޫ އަތްތިލާގައި ހިފާލިއެވެ.

“ސްކެއާރޑް..މްމްމް” އަރްކާން މަޑުމަޑުން އަހައިލުމުން ލިއާނާ ބަލައިލީ ވަށައިގެން ތިބި މީހުންނަށެވެ. ބައެއް މީހުންނަށް އަރްކާން ކުރަން އުޅޭކަމެއް ވިސްނުނީ ކަހަލައެވެ. އެ މޫނުތަކުން އުފާވެރި ހިނިތުންވުމެއް ފެންނަން ހުއްޓެވެ.

“މީހުންނަކަށް ނޫން.. ފޯކަސް އަހަންނަށް” އަރްކާން، އެ ފިރިހެންވަންތަ ދެއަތްތިލަ ލިއާނާގެ މޫނުގެ ދެފަރާތުން އަޅުވާލިއެވެ.

“..ދެމީހުން ގުޅުނުތާ ދުވަސްތަކެއް ނުވާކަން ވެސް އެނގޭ… އެކަމަކު މި ލޯބި ދެއަތުން ދޫ ކޮށްލާ ހިތެއް ނުވޭ… މުޅި އުމުރަށް ވެސް ބޭނުން ވޭ.. ލިއާ..ތިއީ އަހަރެންގެ އަލަތު ލޯބި… އެންމެ ފަހު ނޭވާއަށް ލުމަށް ދާންދެން ތި ހީލުން ދެކެން ބޭނުންވޭ.. ދުވަހަކުވެސް އަންހެން ކުއްޖަކު ފެނިގެން ނުވާ ގޮތްތަކެއް، ލިއާ އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް އަހަންނަށް ވީ.. ވަރަށް ސްޕެޝިއަލް ފީލް ވި..  މުޅި އުމުރަށް ވެސް ބޭނުންވަނީ ލިއާއާއި އެކު ވާން.. މިއަދު އަހަރެން ބޭނުން އަހަރެމެންގެ ގުޅުން އިތުރަށް ހާއްސަކޮށްލަން.. ލިއާއަށް އެނގޭތަ އަހަރެން ލޯބިވާ ވަރު” އަރްކާންގެ އަޑުގައިވީ އަސަރަކު ލިއާނާގެ ލޯ ތެމިލިއެވެ. އަރްކާންގެ ދެއަތްތިލަ މަތީގައި އޭނާގެ އަތްތިލަ ބާއްވާލަމުން ބޯ ޖަހައިލިއެވެ.

އިސާހިތަކު މުޅިތަން އަލިވެގެން ދިޔައެވެ. ފެނުނު މަންޒަރުން ލިއާނާގެ ދެލޯ އިހުނަށް ވުރެން ބޮޑުވެގެންދިޔައެވެ.  ސްޓޭޖްމަތީގައި ވަނީ ގިނަ އަދަދެއްގެ ހުދުކުލައިގެ ބޮޑެތި ސްޓޭންޑްތަކެކެވެ. ކޮންމެ ސްޓޭންޑެއްގައި ވަނީ އުއްބައްތިއާއި ރަތާއި ހުދުކުލައިގެ އެތައް ބައިވަރު ފިނިފެންމާތަކެކެވެ.  ބިންމައްޗަށް ވެސް ރަތްކުލައިގެ ފިނިފެންމާ ފިޔަ ތައް އަޅާލެވިފައިވީ އިރު ސްޓޭންޑްތަކުގެ މެދަކަށް ވާހެން، ހުދުކުލައިގެ ނިއޯން ލައިޓް އިން ” ވިލް ޔޫ މެރީ މީ” ޖަހާފައި އިން ބޯޑެއް އިނެވެ. ލިއާނާއަށް އަނގަމަތީގައި އަތް އެޅުނު އިރު ދެލޮލުން ފެންތައް ފައިބަމުން ދިޔައެވެ. އޭނާގެ ކަރުނަތަކެއް ނުހުއްޓެވެ. އަރްކާންގެ ތުންފަތުގައި ވީ ފުރިހަމަ ހިނިތުންވުމެކެވެ. ލިއާނާގެ އަތައް ބާރު ކޮށްލެވުނު ހިނދު އޭނާގެ ދެލޯ ވެސް ތެމިލިއެވެ.

“ލިއާނާ ޒާފިރް.. ވިލް ޔޫ މެރީ މީ” ތަނުގައި ތިބި އެންމެނަށް އިވޭނެ ހެން އަރްކާން ގޮވާލިއެވެ. ލިއާނާއަކީ އޭނާގެ ހައްގެކޭ ބުނާފަދަ ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ.

މާހައުލުގައިވި ހިމޭން މިއުޒިކްގެ މައްޗަށް ކުރިހޯދީ ތަނުގައި ތިބި އެންމެންގެ އަތްތިލަ ބަޑިތަކާއި އުފާވެރި ހަޅޭކުގެ އަޑުންނެވެ. އަޒީޒް އާއި ދިނާޔާގެ ހާލަކީ ތޯއެވެ. ދެމަފިރިން ދެލޯ ބޮޑުވެފައި ތިބި އިރު ބަސްހުއްޓިފައިވީ ފަދައެވެ. ރަމްލާގެ ގައިގާ ބައްދާލައިގެން ހުރި އިރު ރައިހާގެ ދެލޯ ވިދަމުން ދިޔައީ އުފާވެރި ކަމުގެ ކަރުނައިންނެވެ. ރަމްލާ ވެސް އިނީ އިންތިހާއަށް އުފާވެފައި އެވެ. ކަޔާން ދުރުގައި ހުރެ އެ މަންޒަރު ކެމެރާގައި ރައްކާކުރަމުން ދިޔައިރު ޒެވިއަލްގެ މަތިން ހަނދާންވިއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މަޖުބޫރީތައް އިންސާނާއާއި ކުރިމަތިވަނީ ނުވިސްނާ ހުއްޓާއެވެ.

“ވަޓް ދަ ފަ* އިޒް ރޯންގް ވިތް  ދެމް.. އެ މަންޖެ ގަނޑާއި ތަ ދޮންބެ ވެސް އެއުޅެނީ ކައިވެނި ކުރަން.. އެއުޅެނީ ގެޔަށް ގަދަ ވާނެ ގޮތެއް ނޭނގިގެން.. ތުއި އަންހެނާ” އީވާގެ މޫނުމަތީގައިވީ ހިތްހަމަ ނުޖެހުމެވެ. ޝަވަންގެ ގާތުގައި ހުރެ ކިޔަމުން ދިޔައިރު ޝަވަން ވެސް ފާޑަކަށް ހުއްޓުން އަރާފައި ހުއްޓެވެ. އަރްކާން އެކުރަމުންދާ ކަމަކީ އެންމެ ދުވަހެއްގެ ޕްލޭން އެއް ނޫން ކަން އޭނާގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ.

“ސޯ ދޭ ޕްލޭންޑް ވެލް..” ޝަވަންގެ ތުންފަތުގައި ދެމިލީ މަކަރވެރި ހިނިތުންވުމެކެވެ.

“ވަޓް” ޝަވަން ބުނެލި އެއްޗެއް ނުވިސްނުމުން އީވާ އަނގަޔަށް ވައްތަރެއް ޖައްސައިގެން ހުރެ ސުވާލްކޮށްލިއެވެ.

“ބޭބް… ހީވޭތަ މިރޭގެ އެކަނި ޕްލޭންއެއް ހެން މިއީ.. އެހެންވީމަ އެމީހުން ކުރިން ވެސް ތިބީ ޕްލޭންކޮށްގެން އަހަރެމެންގެ ރަންކިއުން ހުއްޓުމަކަށް ގެންނަން.. ނަމަވެސް ތަފާތަކީ އެކަން ކުރި ގޮތް..ގެޓް ތަ..” ޝަވަން ބުނެލިއެވެ. ވިސްނާލަން ހުރެފައި އީވާ ދެލޯ ހަނިކޮށްލީ ޝަވަންގެ ޖުމްލަތައް ދެނެގަނެވުމުންނެވެ.

“އާންން.. ދޮންބެ އަށް ވެސް ކަމެއް އެނގުނީބަ..” އީވާގެ ހިތުގައި އުފެދުނު ނުތަވަސްކަން ބޭރުކޮށްލިއެވެ. ޝަވަންވެސް ހިސާބަކަށް ކަންބޮޑުވެފައި ހުރެ ފޯނު ނެގީ މީހަކަށް ގުޅާލުމަށެވެ.  “ހިއެއް ނުޥޭ އީވް އެކަމުގަ އުޅޭ ކަން އެނގޭނެ ހެންނެއް.. އެކަމަކު މަށައް ސަސް ވެފަ އަބަދު ވެސް ހުންނާނީ..ހަހަހަ.. ކޮބާ ތަ އަހަރެމެންގެ ޕާޓްނާރސް.. ފޯނު ވެސް ނުނަގާ… ބޭބީ ހާސް ނުވޭ.. އެނގެ އެންނު އަހަރެން ލޯބި ވާ ވަރު.. “އެހެން މީހަކަށް ނުފެންނާނެ ހެން އީވާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ ޝަވަން ބުނެލިއެވެ. އޭރުވެސް އޭނާ ދިޔައީ އެމީހަކާއި ގުޅޭތޯ މަސައްކަތް ކުރަމުންނެވެ.

“އަދިވެސް މިހިތައް އަރަނީ ބޭބީގެ ކޯލް އިވުނީ ކާކަށް ބާއޭ”

“ހީވަނީ ކާކަށް ހެން.. މިތާގަ ނެތީ ކާކު ތޯ ބަލާބަލަ” ވަށައިގެން ހޯދާލަމުން ޝަވަން ބުނެލިއެވެ.

 

“ކޮބާ އާންސްވާ.. އަހަންނާ އިންނާނަން ތަ” ލިއާނާ ޖަވާބު ނުދީ ލަސްވެގެން އަރްކާން ބުނެލިއެވެ.

“މި ..މި ދޮންބެ..ދޮންބެ ނެތް” އާގަންނަމުން ކަހަލަ ގޮތަކަށް އެންމެ ފުރަތަމަ ވެސް އޭނާއަށް ބުނެވުނެވެ.

“ޒެވް އޯކޭ ވާނެ.. އަދި އެބަ އޮތް ވާހަކަ އެއް ބުނަން ވެފަ.. ޒެވް އަކަށް ނާދެވޭނެ މިތާކަށް.. ޑޯންޓް ވޮރީ ލަވް…އެހެން ނޫނަސް މަ ކޮއްކޮ އޭނާ ބޭނުމިއްޔާ، އޭނާ ޖެހޭނީ އޭނަ ކޮއްކޮ މަށައް ދޭން.. ފެއާރ އިނަފް ރައިޓް..  އަވަހަށް ޖަވާބު ދީ..” އަރްކާން ބުނެލި އެއްޗަކުން އެހާ ޖަޒުބާތީ ވެފައި ހުއްޓާ ވެސް ލިއާނާ ގާތައް ހިނިއައެވެ. އެހެންމީހަކަށް ނީވޭހާ މަޑުން ބުނެލި ކަން ވެސް ރަނގަޅު ހިތައް އެރިއެވެ.

“ޔެސް..ޔެސް..ޔެސް” ލިއާނާގެ އަޑުން އަރްކާންގެ މޫނު އުޖާލާވިއެވެ. ޖީބުން ނެގި މަހްމާ ފޮށި ހުޅުވާލަމުން އެ ނާޒުކު އަތުގައި ހިފާލަމުން އެ ލޮލާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

” އިންޝާﷲ ދުވަހަކުވެސް ދޫ ކޮށް ނުލާނަން” ދަޅައަޅަމުން ދިޔަ ހުދު ރަނުގެ ޖަވާހިރު އަނގޮޓި ލިއާނާގެ ހިމަ ކަށި އިނގިޅީގައި އަޅުވާލި ވަގުތު އެ ދެލޮލުން ފެންތައް ފައިބައިގަތެވެ.

މުޅި މާހައުލުން އިވެމުން ދިޔައީ އުފާވެރި ހަޅޭކުއަޑުތަކާއި އަތްތިލަ ބަޑިތަކުގެ އަޑުތަކުގައި ފަނޑުކަމެއް ނެތެވެ. ފަހަރަކު މީހަކު ދެމީހުންނަށް މަރްހަބާ ކިޔާ ދެމީހުންނަށް ހެޔޮ ދުއާ ކުރަމުންދިޔައެވެ. ތުންފިއްތައިގެން ހުރެފައި ނަސްރާ ވެސް އެންމެ ފަހުން ލިއާނާއާއި އަރްކާން އާއި ސަލާމް ކޮށްލުމަށްފަހު މަޖުބޫރުވެފައިވީ ފަދައަކުން މަރުހަބާއޭ ބުނެލިއެވެ. އަރްކާން ގާތައް ހިނިއަންނަ ގޮތްވެގެން އަވަހަށް އަނގަމަތީގައި އަތްއަޅާލިއެވެ.

މީހުން ގަނޑުގެ ތެރެއިން ސަލާމަތް ވެ، ސްޓޭޖުން ފައިބައިގެން އައިސް އެންމެ ފުރަތަމަ ވެސް އަރްކާން ހުއްޓިލީ ދިނާޔާއާއި އަޒީޒްގެ ކުރިމަތީ ގައެވެ. ދިނާޔާއަށް ބަހެއް ނުބުނެވި އިންދާ ރޮވުނެވެ. ލިއާނާގެ ގައިގާ ބައްދާލަމުން ވަރަށް ލޯބިން ނިތުގައި ބޮސްދިނުމަށް ފަހު މަރްހަބާ ކިޔެވެ.  އަޒީޒްވެސް އުފާވެފައިޥާ ހާލު އަރްކާންގެ ގައިގާ ބައްދާލިއެވެ.

“ޒާފިރް އާއި ޝާލީ މިއަދު ދުނިޔޭގައި ހުރިނަމަ އުފަލުން ފޮޅޭނެ.. މާޝާﷲ.. ” ލިއާނާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަޒީޒް ބުނެލިއެވެ. އޭނާގެ ދެ އެކުވެރިން ތިބި ނަމަ މިއަދު ހާދަ އުފާވީހެވެ. ޒާފިރްގެ އެންމެ ފަހުގެ ވަސީއަތަކަށް ވެސް ވީ އަރްކާންއާއި ލިއާނާގެ ކައިވެނި ކޮށްދިނުމެވެ. މިހުރިހާ ދުވަހަކު އޭނާ ކުރި ދުއާ އިޖާބަ ކުރެއްވުމުން އެފަރާތައް ހަމްދުކުރެވުނެވެ.

ހަފްލާ ނިމުމުން، އާއިލާ އާއި އެކު އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށްފަހު ފުރަން ފާލަމް ހުންނަ ހިސާބަށް ދާން ނުކުން އިރު ނުހަނު ލަސްވިއެވެ. އަލާރާ ކޮބާހޭ މީހަކު އަހާ ކޮންމެ ފަހަރަކު އެ ސުވާލަށް ޖަވާބު ދެނީ ޝުހާދު ނޫނީ އަރްކާންއެވެ. އަލާރާ ތަބީއަތު ގޯސްވުމުން މާލެ ގެންދިޔަ ކަމަށް ބުނެފައެވެ.

“އަލާރާ ދިޔައީ ކާކާ އެއްކޮންތަ.. ޒެވިއަލް އާއި އެއްކޮންތަ” ނަސްރާ އަހައިލީ ލޯންޗަށް އެރުމަށްފަހުއެވެ. އޭރު އަޒީޒްއާއި ދިނާޔާގެ އިތުރުން ރައިހާގެ އާއިލާ އާއި އަރްކާންއާއި ލިއާނާ އަދި ކަޔާންގެ އިތުރުން ޝުހާދު ވެސް ތިއްބެވެ.ދުރުގައި ވަކިވަކިން އިން ދެ ސީޓުގައި އީވާއާއި ޝަވަން ވެސް އިނެވެ.  އޭރު އެހެން ލާންޗް އެއްގައި ހަފީޒާ ގޮވައިގެން އަމީނާއާއި ހައުލާ ވަނީ މާލެ ދިއުމަށް ތަންކޮޅެއް ކުރިން ދަތުރު ފަށާފައެވެ.

ނަސްރާގެ ސުވާލް ދެތިން ފަހަރު ތަކްރާރް ކޮށްލި ނަމަވެސް އެކަކުވެސް އަޅާ ނުލާ ތިއްބާ އެ ސުވާލް ހަމްދީ ކޮށްލުމުން އަރްކާންއަށް އެންމެ ފަހުން ޖަވާބެއް ދޭން ޖެހުނެވެ.

“ދައްތަ ކައިރީގަ ބުނީމެންނު ނާޒާ އާއި އިތުރު ސްޓާފަކާއި އެއްކޮން، އަލާ މާލެ ދިޔަ ވާހަކަ” އަރްކާން ހިތާ ދެކޮޅަށް ބުނެލިއެވެ.

“ތިބުނާ ސްޓާފަކީ ޒެވިއަލް ތަ.. އެންމެން އެ ބޮޑު ހަފްލާގައި ތިބިއިރު އެތާގައި ނެތް މީހަކީ ޒެވިއަލް.. ކުއްލިއަކަށް އެހާ ބޮޑު ކަމެއް އަލާރާ ފަނި ކޮށްލީމަ ސުވާލް ވެސް އުފެދޭނެ.. ކަލޭމެން ކަމެއް ފޮރުވަނީތަ” ނަސްރާ އަނެއްކާ ވެސް ބުނެލިއެވެ. ހީވީ ކަމެއް ދެނެގަންނަން އުޅޭ ހެންނެވެ.

“ދައްތާ ހާދަ ބައިވަރު ސުވާލެއް ތިކުރަނީ.. އަލާގެ ފެމެލީ ނުރުހެންޏާ އަދި ވަލީ ދޭން ތިބި މީހުންނަށް ފެނުނީމަ ކައިވެނި ލަސްކޮށްލުން އެއީ މައްސަލަ އެއް ނޫނެއްނު..އެހެންނޫނަސް ޝަވަންގެ މީހަކަށް އަދި ވިއްޔެއް ނޫން.. ޒެވް ހުން އައިސްގެން ކޮޅަށް ވެސް ނުހުރެވޭ ވަރު ވެގެން ތަން ދޫ ކޮށްފަ ދިޔަ ފަހުން ކިތަންމެ އިރެއް..އަސްލު ޝަވަން އާއި މެދު ވެސް ސުވާލް އުފެދޭ..މިހާރު މިތާގަ އިނެއް ކަމަކު ޕާޓީ ތެރެއިން އޭނާ ފެނުނު ތަ އެންމެ ފަހަރަކު ނޫނީ..ތިބުނާ ގޮތައް ސާމިއު އާއި ސޯފިއާ ވެސް މީ ޕާޓީއަށް އައި މީހުން..ޒެވް ނެތިގެން ސުވާލް އުފައްދަންޏާ އެމީހުން ނެތިގެން ވެސް ސުވާލް އުފެދޭ..އެހެންނު.. ” އަރްކާން އަނގަ ހުޅުވާލި ހިނދު ކަޔާން ދިން ވަރުގަދަ ޖަވާބުން ނަސްރާ އެކީ ހިމޭންވިއެވެ. އިތުރަށް އެއްޗެއް ބުނަން ނުކެރުނީ ކަންނޭގެ އެވެ. ރުޅިގަދަ ވެފައި ދެލޯ ރަތްކޮށްލައިގެން އިންގޮތުން ހީވީ ކަޔާން އަނދާ އަޅިޔަށް ހަދަން އުޅުނުހެންނެވެ. ލާނެތް ހިންޏެއް އައިސްފައި ކަޔާން އާއި އަރްކާން ތިއްބެވެ.

“ބޭބް އެއްޗެއް ނުބުނެ ތި އިންނަނީ ކީއްވެ…” އީވާ މެސެޖެއް ލިޔެލާފައި ޝަވަންއަށް ފޮނުވާލިއެވެ. ލޯންޗަށް އެރީން ސުރެން ޝަވަން ފޯނަށް ގެއްލިފައި އިނުމުން އީވާ އިނީ ރުޅިގަދަވެފައެވެ. ކުރިމަތީގައި އޭނާއިން އިރު ވެސް އިސްއުފުލާ  ޝަވަން ބަލައި ވެސް ނުލައެވެ.

“ސޮރީ ބޭބީ..ކަމަކާ އޭ މިއުޅުނީ.. ގުޑް ނިއުސް އަކާއި ބޭޑް ނިއުސް އެއް އެބަ އޮތް.. ކޯއްޗެއް ފުރަތަމަ އަޑުއަހާނީ..” ޝަވަ ން މެސެޖެއް ފޮނުވާލިއެވެ.

“ބޭޑް ނިއުސް..”

“ބޭޑް އޭ ބުންޏަސް ގުޑް ނިއުސް މިދެނީ ފުރަތަމަ..ވީ ހޭވް ދެމް” ޝަވަންގެ މެސެޖް ކިޔާލެވުން ހިނދު އީވާގެ މަކަރުވެރި ދެލޯ ވިދައިގަތެވެ.

“ޔެސް..ޔެސް.. ދެން ކޮބާތަ ބޭޑް ނިއުސް”

“ދެން އޮތީ އަހަރެމެން ދެމީހުންގެ ސްޓެޕް.. މާދަމާ ހެނދުނަށް ތައްޔާރު ވޭ.. ބޭޑް ނިއުސް ދޭނަން އެގަޑީގަ..މިބުނަން އުޅޭ ވާހަކަ އެނގޭ ދޯ މިހާރު..އާރ ޔޫ ރެޑީ” ޝަވަންގެ މެސެޖްތައް ކިޔާލާފައި އީވާ އިސް އުފުލާލި ހިނދު ޝަވަން އިނީ ސީދާ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ ނުބައި ހިނިތުންވުމުގައި އިނދެފައި އީވާ ބޯޖަހައިލިއެވެ.

***

ހެނދުނު ވެގެން އައި އިރު އެންމެ ފުރަތަމަ އެނދުން ތެދުވި މީހަކަށް ޔަގީނުން ވެސް ލިއާނާ ވާނެއެވެ. ރޭގައި ލަހުން ނިދުނު ނަމަވެސް ފަތިސް ނަމާދު ނުކޮށް ނިދަން އޮންނަން ބޭނުން ނުވާތީ ލިއާނާ ތެދުވެ ނަމާދު ކޮށްލައިގެން ނުކުތެވެ. މާލެ އާދެވުމުން ލިއާނާ އަމިއްލަ ގެޔަށް ދާން އުޅުނު ހިނދު، ދިނާޔާ އާއި އަޒީޒް އެދުމުން އެންމެ ފަހުން އަންނަން ޖެހުނީ އެގެޔަށެވެ. އޭނާ މަޑުކޮށްގެން ހުރީ އެގޭގައި ކުރިން ވެސް އޭނާ އުޅުނު ކޮޓަރީގައެވެ.

ކޮފީއެއް ހިފައިގެން ޓެރެހަށް އަރާ ފުރަތަމަ ވެސް ޖައްސާލީ އަރިއަށް ޖަހާފައި ވާ ސޯފާތަކުން ސޯފާއެއްގައެވެ. ފޯނު ނަގާ ޒެވިއަލް އަށް ގުޅާލިއެވެ. ރެއިން ސުރެން އޭނާ ހުއްޓުމެއް ނެތި ދިޔައީ ޒެވިއަލްއަށް ގުޅަމުންނެވެ. އަރްކާން ހާސް ނުވުމަށް ބުނެލި ނަމަވެސް ޒެވިއަލް ހަބަރެއް ނުވެ މިހާރު ވެސް މާ ގިނަ އިރު ވެއްޖެއެވެ. ފަންސާހަކަށް ފަހަރު ގުޅުނު އިރު ވެސް ޒެވިއަލްގެ ފޯނު ނުނެގިއެވެ. ހަމަޖެހެން މަސައްކަތް ކުރި ނަމަވެސް އޭނާގެ ހިތައް ވަނީ ނޭނގޭ ބިރުވެރިކަމެއް ވަދެފައެވެ. މެޔަށް ވެފައިވަނީ ތަފާތު އުނދަގުލެކެވެ. ދެރަ ކަމެއް ވާން އުޅެނީއޭ ހިތް ބުނަނީއެވެ. އަނެއްކާ ވެސް ފޯނު ނަގާ ގުޅާލިއެވެ.

އިށީންދެ އިންތަނުން ތެދުވެ އޭނާ ރެއިލިންގް ކައިރިއަށް ޖެހިލިއެވެ. އޭރުވެސް ރަނގަޅަށް އަލި ނުވާތީ ފެންނަނީ  ފުދޭވަރަކަށް އަނދިރިކޮންނެވެ. އަތުގައި އިން ކޮފީ ތަށިން ފަހަރަކު ކޯވަރެއް ބޮމުން ދިޔައެވެ. އެހެން ހުއްޓާ އީވާ ގެއިން ނުކުމަންނަ ތަން ފެނުނެވެ. ބޮޑު ބެކްޕެކެއް އަޅުވާލައިގެން ހުރި އިރު އޭނާ ހަރަކާތްތައް ހުރީ އަވަސްކޮންނެވެ. ގޭޓުން ނުކުމެ ގޮސް އެރީ ދޮރު ކައިރިއަށް، އެވަގުތު މަޑުކޮށްގެން އޮތް ކާރަށެވެ. ލިއާނާ މޫނަށް ފޫހި ވައްތަރެއް ޖައްސާލައިގެން ހުރެ އެކަމާއި އަޅާނުލާ އަނެއްކާ ވެސް ޒެވިއަލްއަށް ގުޅަން ފެށިއެވެ.

“އަޅެ ދޮންބެ އޯކޭ ބަ.. ވެއްޖެ ދައްތަ ގެ ފޯނަށް ގުޅަން” ލިއާނާ އެންމެ ފަހުން ދެން ގުޅަން ފެށީ އަލާރާގެ ފޯނަށެވެ. ދެތިން ފަހަރަކު ރިންގްވި ތަނާ ފޯނު ނެގިއެވެ.  ލިއާނާގެ ދެލޯ ވިދައިގަތެވެ. ތެޅިގަނެފައި އޭނާއަށް ވާހަކަ ދައްކަން ފެށުނެވެ.

“ހަލޯ..ހަލޯ.. ދައްތާ…ކޮންތާކު” ލިއާނާއަށް އަވަސް އަވަހަށް ގޮވާލެވުނެވެ.

“ދައްތަ ނެތީ.. އަހަރެން ބޭރު މީހާ ހުންނަނީ..”އެކޮޅުން އިވިލީ ފިރިހެނެއްގެ އަޑެވެ. ލިއާނާގެ ނަފްސަށް ވެރިވި އުފާވެރިކަން ހިނދުކޮޅެއްގެ ތެރޭގައި ވަގުތުން ފިލާ ދިޔައެވެ.

“ކިހިނެތް ތި ފޯނު ލިބުނީ.. ކާކު ދިނީ..ކޮބާ ތި ފޯނުގެ ވެރި މީހާ..ޒެވިއަލް ކޮބާ..އަލާރާ ކޮބާ” ލިއާނާއަށް އަހައިލެވުނެވެ.

“ނޭނގެނީ ފޯނުގެ ވެރި މީހާ.. ޒެވިއަލް ސާރ އެނގެނީ ތަ..އަހަރެން ހުންނަނީ މަސައްކަތު މީހާ ޒެވިއަލް ސާރ ގެ ހުޅުމާލޭ ގޭގަ.. ” އެކޮޅުން އެ ބޭރު މީހާ ދިން ޖަވާބުން ލިއާނާގެ އަތުގައި އިން ކޮފީ ތަށި ދޫވިއެވެ. މުޅި ކުއްޖާއަށް ލިބިގެންދިޔައީ ވަރުގަދަ ސިހުމެކެވެ.

”ދޮންބެ ހުޅުމާލެ.. ދޮންބެގެ ގެއޭ.. ކޯއްޗެކޭ ތިކިޔަނީ.. ކޮން ނަމެއް ކިޔާ މީހެއް ތިއީ”

“ތިއީ ޒެވިއަލް ސާރ ގެ ކޮއްކޮ ތަ” އެމީހަކު އަހާލުމުން ލިއާނާ އާއެކޭ ބުނެލިއެވެ.

“އަހަރެންނަށް ކިޔަނީ ނާފިޒް…މި ޒެވިއަލް ސާރގެ ގެޔޭ އަހަރެން ބުނަނީ ނު.. ވަރަށް ފަހުން ސާރ ގަތް ގެޔެއް މި.. އަހަރެން މިގެޔަށް ޖޮބް އަށް އަންނަނީ ވަން ވީކް ކުރިން.. ” ނާފިޒް ކިޔައިދިނެވެ. ލިއާނާއަށް ލިބިފައި ވަނީ ވަރުގަދަ ޝޮކެކެވެ.

“ގޭގެ ގޭޓު ކައިރީގަ ވެއްޓިފައި މި ފޯނު ހުންނަނީ އަހަރެން ހެނދުނު ނުކުމަތް އިރު.. އެހެންވެ ފޯނު ނަގަނިކޮން ތި ކޯލް އަންނަނީ..އިއްޔެ ސާރ ދިޔަ ގޮތައް އަދި ގެޔަށް ނާންނަނީ” ނާފިޒް އިތުރަށް ކިޔައިދިނެވެ. އެންމެފަހުން ލިއާނާއަށް ވިސްނުނީ ހުޅުމާލެ ދިޔުމަށެވެ.  ނާފިޒް ކައިރިން އެޑްރެސް އޮޅުން ފިލުވައިގެން ލިއާނާ ގެއިން ނުކުމަތެވެ. ހިތް ތެޅެމުން ދިޔަ ގޮތުން ލިއާނާގެ ހަށިގަނޑުގައި ވަނީ މަޑު ތުރުތުރެއް އުފެދިފައެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު