“އީވާ” އީވާ ފުރިހަމަ ކުރަމުން އައި ޖުމްލަ ހުއްޓުމަކަށް އައީ މުޅިތަން ގުޑައިގެން ދާ ފަދަ ބާރު އަޑަކުން އޭނާއަށް ގޮވާލި އަޑާއި އެކު ވަރުހުރި އެތިފަހަރެއް އޭނާގެ މޫނު މައްޗަށް އަރައިގެން ދިޔުމުންނެވެ. ވީ ތަދުން މޫނުމައްޗަށް އެނބުރުން އަރައިގެން ދިޔަ އިރު ދެފައިވެސް ބިންމަތީގާ ހަރުލާ ގޮތެއް ނުވިއެވެ. މޫނުމަތީގައި އަތް އަޅުވާލައިގެން ހުރެ ލަސްލަހުން މޫނު ހިއްލާލި އިރު ރުޅި އައިސް ރަތްވެފައި އެހުރީ އަޒީޒެވެ. އޭނާގެ ކައިރީގައި ދިނާޔާ ހުރި އިރު އޭނާގެ މޫނުމަތިން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
***
“އީވާ..ތީތަ މަންމަ ދަރިފުޅަށް ދަސްކޮށްދިން ތަރުބިއްޔަތަކީ.. މުއްސަނދިކަމަކީ ވަގުތީ އުފަލެއް…މާދަމާ ވެސް މި މުއްސަނދިކަމުގެ ބަދަލުގަ ފަޤީރު ނިކަމެތިންގެ ގޮތުގަ އުޅެން ޖެހިދާނެ.. މި މުއްސަނދިކަން ހޯދުނީ ބައްޕަގެ މަސައްކަތުން..އެކަމަކު އެކަމުގައި އަޒީޒް ބޮޑާ ނުވާހާ މިންވަރަށް އީވާ ބޮޑާ ވެއްޖެ…އަހަންނަށް އަދި މި އެނގުނީ ރަމް މެން މިގެއަށް ނާންނަ ސަބަބު..ކިހާ ބޮޑުކަމެއް އީވާ ތި އަހަރެމެންނަށް ކުރިމަތި ކުރުވީ.. ނޭނގޭތަ އެއީ ކިހާ ގާތް ބައެއް ކަމެއް” އެނދުމައްޗަށް ޖެހިގަނެވުނު އިރު އޭނާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. ފަހަކަށް އައިސް ރަމްލާއާއި ޝާފިއު އެގެއަށް އައުން މަދުކަން އޭނާއަށް ވެސް އެގެއެވެ. ރަމްލާއަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެކެވެ. ހާއްސަކޮން ޝާފިއު އާއި އަޒީޒްގެ އޮންނަނީ ވަރުގަދަ ގުޅުމެކެވެ. އަޒީޒް ވިޔަފާރި ފެށުމުގެ ކުރިންވެސް ޝާފިއުއާއި ދެމީހުން އެގުޅުން އެގޮތުގައި އޮވެއެވެ. އީވާ އެކުރި ކަމަކުން އޭނާ ނުހަނު ލަދުގަތެވެ.
“ކިހިނެތް އެމީހުންނާ ކުރިމަތިލާނީ ވެސް” ދިނާޔާ އަށް މަޑުމަޑުން ބުނެވުނެވެ. އޭނާ އަޒީޒްއާއި ދިމާ ބަލައިލި އިރު އަޒީޒްގެ މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. މާޔޫސްކަމެވެ. އިތުރު އެއްޗެއް ނުބުނެ އަޒީޒް ހަރު ހިނގުމުގައި ހުރެ އެތަނުން ނުކުތެވެ. އޭނާގެ ފަހަތުން ދިނާޔާ ވެސް ނުކުންނަން ދަމުން އީވާއާއި ދިމަ ބަލައިލިއެވެ. އޭރުވެސް އިން ގޮތައް މޫނުގައި އަތް އަޅައިގެން އިނެވެ.
“އީވް ދެންވެސް އެއްޗެއް ވިސްނޭނެ ކަމަށް ހީކުރަން..އެހެން އިރަކުން މި ވާހަކަ ދައްކާނީދެން.. އާދޭ ނިދަން ޖައްސާލަން” ކިތަންމެ ވާހަކަ ދައްކަން ބޭނުންވެފައި ވީ ނަމަވެސް މިވަގުތު އެއްވެސް އެއްޗެއް ބުނުން ރަނގަޅެއް ނުވާނެކަން އަލާޜާ ދެނެގަތެވެ. އީވާގެ ރުޅި އޭނާއަށް އިޙްސާސްވީއެވެ.
“ދޮންތަ ނިދާ..އަހަރެން ދާނަން އަހަރެންގެ ރޫމަށް” އަލާރާއަށް އެއްޗެއް ބުނެވުމުގެ ކުރިން އީވާ ނުކުމެގެން ދިޔައެވެ.
“އޯހް ގޯޑް..އައިމް ސްކެއާރޑް ޓް ބީ އެލޯން” އެކަނި ހުންނަން އަލާރާ އަދިވެސް ޖެހިލުން ވެއެވެ. ނުފެނުނު ކަމުގައިވީ ނަމަވެސް އެހެން ހުރިހާ ހިއްސެއް ބަޜާބަރަށް މަސައްކަތް ކުރެއެވެ. މީހެއްގެ އަޑު އިވޭ ހިސާބެއްގައި ހުރެވޭތޯ އަބަދުވެސް ބަލައެވެ. އޭނާ އެކަނި ނުބަހައްޓުވަން އެހެން މީހުން ވެސް މަސައްކަތްކުރާކަން އޭނަ ދަނެއެވެ. ނަމަވެސް އީވާގެ ސަބަބުން އެންމެ ފަހުން އޭނާއަށް ޖެހުނީ އެކަނި އޮންނާށެވެ.
“އާހް..މިވީގޮތުން އެކަނި ވެސް ނިދާ ހަދާލަން ކެރެން އެބަ ޖެހޭ..މި އީވްގަނޑު ވެސް ހާދަ ބޭބީއޭ…އަދި ރަނގަޅު އެއްޗެއް ބުނީމަ ވެސް އެހެރީ ވީވަރު.. ކުރިން ގައިމު އެއީ އެހެން އުޅުނު ކުއްޖެއް ވެސް ނޫން…އަދި ދެތިން ފަހަރު ނަސޭހަތް ދެނިކޮން ވިސްނޭނެ..މްމް ދެން ޖައްސާކަންވީ ކަންނޭގެ..” އަމިއްލަ ނަފްސަށް އިވޭވަރަށް އަލާރާ ވާހަކަ ދައްކަމުން އެނދު ފަޑީގައި ހިފަހައްޓަލައިގެން ހުރެ މަޑުމަޑުން އެނދުގައި އިށީނެވެ. އެނދުގައި އޮށޯވެލި ނަމަވެސް ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ހަމަޖެހެން މަސައްކަތް ކުރިނަމަވެސް އެކަނިވެރިކަން އިޙްސާސްވާ ވަރުން ހިތުގައި ބިރުވެރިކަން ވެސް ދިޔައީ އިންތިޙާއަށް އުފެދެމުންނެވެ.
“ޔަގީން މަންމަ އަންނާނެ އެކަނި އޮތް ވާހަކަ ބުނެފިއްޔާ.. ފަތިހު ހޭލާ ގޮތައް މަންމަގެ ބިޒީ ޝެޑިއުލް ފަށަންވާއިރަށް ރެސްޓް ވެސް ބޭނުންވާނެ.. ސޯ މަންމައަށް އުނދަގު ކުރާކަށް ވެސް ނުކެރޭނެ.. ދެންންން ވަޓް ޓް ޑޫ…އަމް ޓޫ ސްކެއާޑް” ކަންނެޔޮ ބާލީހުގައި ދެއަތުން ބާރަށް ބައްދައިގަނެގެން އޮތް އިރު ކިރިޔާ ވެސް އަޑެއް އިވޭތޯ އޭނާ އޮތީ ކަންފަތް ދިއްކޮށްގެންނެވެ. އެހެން އޮތްވަ ޒެވިއަލްގެ މަތިން ހަނދާންވިއެވެ.
“އީވް ކަންތަކޭ ޒެވް ވެސް ހުރީސް އެހެން ނޫންނަމަ..ހު-” ހުއްޓުމެއް ނެތި އަމިއްލަ ނަފްސަށް އިވޭވަރަށް އަޑުލަމުން ދިޔަ އަލާރާއަށް ސިހުމެއް ލިބުނީ ބެލްކޮނީގެ ތެރެއިން އިވިގެން ދިޔަ އަޑުންނެވެ. މީހަކު ފުންމާލި ކަހަލަ އަޑެވެ. މަޑުމަޑުން އިވިލި ނަމަވެސް އިވިދާނެ އަޑަކަށް ސަމާލުކަން ދީގެން އޮތްވަރުން އޭނާއަށް ފަހުމްވީއެވެ. މުޅި ކުއްޖާ ދާހިތްލައިގަތެވެ. ބިރުންގޮސް މާނޭވާ ލެވެންފެށިއެވެ.
އެނދުން ތެދުވެވުން އިރެއް ވެސް އަލާރާއަށް ރެއަކާނުލިއެވެ. އަތްވެސް ހުރަސް ނުކޮށްލާ ދުއްވައިގަތުމުން އެކިތަންތާގައި ލައިގަންނަމުން ކަހަލަ ގޮތަކަށް ދޮރާއި ހިސާބަށް އޭނާއަށް ދެވުނެވެ. އޭރު ބެލްކޮނިން މީހެއްގެ ފިޔަވަޅުއަޑު އިވެމުންދިޔައެވެ. އަލާރާ އަޑުން އަޑުނަގާ ހަޅޭއްލަވައިގަތީ ކޮޓަރީގެ ދޮރުން ނުކުމެވުމުންނެވެ. އޭރު ކޮޓަރިތެރޭގައި ހުރި މީހަކު ކޮޓަރިތެރެއަށް ވަދެއްޖެއެވެ.
ކޮޓަރި އާއި ލިވިންގްރޫމުގައި ހިނގާ އުޅުނަސް އެހިސާބުގައި އޭނާއަށް އުޅެން ނޭނގޭތީ ކުރިއަށްދާނީ ވެސް ކިހިނެތްހެއްޔެވެ. އެއްފަރާތެއްގައި ސިޑި ހުންނައިރު ކުރިއަށް ފިޔަވަޅެއް އެޅޭކަށްވެސް ނެތެވެ. ކަރު ފަޅައިގެން ދާހާ ބާރަށް އަލާރާ ހަޅޭއްލެވިއެވެ. ރޮވެމުންދިޔައިރު މޫނުމަތިން ބިރުގަނެފައިވާ ވަރު ހާމަވެއެވެ.
“އަލާ ދައްތާ…ދައްތާ…” އެހެން ހުއްޓާ ކުއްލިއަކަށް ދުވެފައި އައި ލިއާނާގެ އަޑު ދުރުން އިވިގެން ހުރިދިމާލަށް އަލާރާއަށް ތިރިވެވުނެވެ. ލެވެމުން ދިޔަ އަވަސް ނޭވާތައް ހަމައަކަށް އަޅުވާލުމަށް މޭގައި އަތް ޖައްސާލި އިރު ހޯސްލާފާއި ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އޭރު ކޮޓަރި ތެރޭގައި ހުރި މީހާ އަވަސް ފިޔަވަޅު ތަކެއްގައި ބެލްކޮންޏާއި ދިމާލަށް ދިޔަ އަޑު އަލާރާއަށް އިވުނެވެ. ހުރި ދިމާލަށް ތިރިވެވުނު އިރު ރޮވެމުން ދިޔަ އަޑު އަނގައިން ވެސް ބޭރުވަމުން ދިޔައެވެ.
“ކިހިނެތް ވީ… ދައްތާ ކިހިނެތް ވީ” ދުވެލާފާއި އައި ލިއާނާ ހުރީ މާނޭވާ ލެވިފައެވެ. ފުރަތަމަ ވެސް އަލާރާ ރޯތަން ފެނި އޭނާގެ ހިތައް ވަދެފައިވި ބިރުވެރިކަން ދެގުނަ ވިއެވެ.
“ލި..ލިއާ..މީހަކު.. ބަލާލަބަ ބެލްކޮނީ..މީހަކު ހުރިތޯ…އަވަސް އަ” އަލާރާގެ ޖުމްލަ ނުނިކުމެވެނީ ލިއާނާ ދުވެފައި މިސްރާބު ޖެހީ ބެލްކޮނީއަށެވެ. ލިއާނާ ދިޔައިރު ބެލްކޮނީގައި އެއްވެސް ހިލަމެއް ވާކަށް ނެތެވެ. ދުރުދުރަށް ދާންދެން ވެސް ފެންނަނީ ސެކިއުރިޓީންނެވެ.
“ދައްތާ އެއްވެސް ހިލަމެއް ނެތް މިތާކު..އެކަނި ހުންނަން ކެރޭނެތަ… އެބަ އަންނަން ސެކިއުރިޓީންގެ ގާތައް ގޮސްލާފަ…” އަލާރާ ބޯޖަހާލިތަން ފެނި ލިއާނާ ދާނ ހިނގައިގަތެވެ.
“ލިއާ..މީހަކު އެހިޔަސް އިހަށް ނުބުނެދީ މަޑުކޮށްލާ މިކަންތައް..އިތުރު މީހަކަށް އެނގިއްޖެޔާ މުޅި ގޭތެރެ ހަލަބޮލި ވެދާނެ..އަދި ހީވަނީ އެމީހަކު އަތުވާނެހެން ..އެކޮޅުގަ ސެކިއުރިޓީން ތިބިއްޔާ މީހެއްގެ ހިލަމެއް ނުވެ މިގެއިން ނުކުންނަން ފުދޭވަރަކަށް ވަގުތު ނަގާނެ..އެންޑު ބީ ކެއާރފުލް” ވިސްނުންތެރިކަމާއެކު އަލާރާ ބުނެލި އަޑަށް ލިއާނާވެސް ވިސްނާލުމަށް ފަހު ބޯޖަހައިލިއެވެ. އެންމެ ސިކުންތެއް ވެސް ލަސް ނުކޮށް ދިޔައެވެ.
ލިއާނާ ބޭރަށް ނުކުމައިން ތަން ފެނިގެން އެވަގުތު ތިބި ސެކިއުރިޓީންގެ އެންމެ އިސް މީހަކަށް ހުރި ނަވާޒް އޭނާގެ ގާތައް އައިސް ސުވާލްކުރިއެވެ.
“މްމްމް.. ފިނިކޮށްލަން މި ނުކުތީ..”ލިއާނާގެ ޖަވާބު އިވިފައި އެހެންހޭ ބުނެ އޭނާ ވެސް އިތުރު ސުވާލެއް ނުކޮށް ދިޔައެވެ. ލިއާނާ ހިނގަމުން ގޮސް މުޅި ގޮތިތެރެ ހެން ބެލުނު އިރު ގޭގައި ގާޑު ނުކުރާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. ހުރިހާ ދިމާލެއްގައިވެސް ސެކިއުރިޓީން ވިއެވެ. ހިސާބަކަށް ލިއާނާ ހައިރާން ވާގޮތްވިއެވެ.
“ވަޓް ދަ…ގޭތެރޭ މިހާ މީހުން ތިބި އިރު އޭނާ ކިހިނެތް އެ ވަނީ އެ ކޮޓަރިއަށް.. މިތާކު ނެތޭ ފާރުމަތިން ވެސް ފުންމާލެވޭނެ ގޮތެއް…މުޅި ގޯތި ތެރެ އެއްކޮން ބެލިއްޖެ.. އަލާ ދައްތަ ބުނިހެން އަދި ނުކުމެގެން އޭނާއަށް ފިލޭނެހޭ ޓައިމް އެއް ވެސް ނުލިބޭ …މިހާ ގިނަ މީހުން ތިބި އިރު ހިސާބަކަށް ވަގުތު ވެސް ބޭނުންވާނެ.. މްމްމްމް އެހެންވީމަ އަދި ބަލާލަން ވީ ..މިގޭތެރޭގަ ވާނެހެން ހީވަނީ” ލިއާނާ އަނެއްކާ ވެސް ފެށީ މުޅި ގޯތި ތެރެ ފާސް ކުރުމުގެ މަސައްކަތެވެ. މުޅި ކުއްޖާގެ ގައިން ދާހިތްލާ ފޯވެފައިވީ އިރު ވަރުބަލި ކަމެއް ވެސް އިޙްސާސް ކުރެވެމުންދިޔައެވެ. ނަމަވެސް ހިތްވަރު ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.
“އާހްހް ދެވަނަ ފަހަރަށް ބަލާ ނިމުނީ..އަދި އެބަ އިންބަ ނުބެލޭ ތަންކޮޅެއް” ވެފައި ހުރި ވަރުބަލި ކަމާއި އެކު ލިއާނާއަށް އުނަގަނޑުގައި އަތް އަޅުވާލެވުނެވެ. ނިތުގައި ވިދަމުން ދިޔަ ދާ ތިކިތައް ފުހެލަމުން އަނެއްކާ ވެސް ހިނގައިގަތެވެ.
“މްމްމް..އޭންން..ސްވިމިންގް ޕޫލް އޭރިއާ..ދެވަނަ ފަހަރަށް ބެލި އިރު ވެސް އެތަނެއް ނުބެލޭ ދޯ” ކުއްލިއަކަށް ނުބެލޭ ހިސާބެއް އޮތްކަން ހަނދާންވިއެވެ. އެންމެ ސިކުންތެއް ވެސް ލަސްނުކޮށް ލިއާނާ މިސްރާބު ޖެހީ އެހިސާބަށް ދިއުމަށެވެ.
އެހިސާބުގައި އެއްވެސް ސެކިއުރިޓީ މީހަކު ފެންނާކަށް ނެތެވެ. ފަތާ ފެންގަނޑުގެ ކައިރީގައިވާ ބަގީޗާއާއި އީސްޓަން ބަޑްގެ ގަސްތާކުގެ ތެރޭގައިވާ ގާޑެން ލައިޓްތަކުން އޮރެންޖާއި ރީނދުލުގެ އެކި ކުލަތަކުގެ އަލިތައް ތަނަށް ފެތުރިފައިވާ އިރު ހިތްގައިމް ގޮތެއް ހުއްޓެވެ. ފަތާފެންގަނޑުން ވެސް މީހެއްގެ ހިލަމެއް ނުވާތީ ދެން މިސްރާބު ޖެހީ ބަގީޗާއަށެވެ. އެތަނަށް ވަންނަން ދިޔައިރު ފުދޭވަރަކަށް ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. އެހެން ހިސާބުތަކަށް ވުރެން އެތާގައި ހުރި އަލިކަން ފަނޑެވެ.
“ގާޑެން ހާދަ އަނދިރި ކޮށްލައިގެން މިއުޅެނީ މިރޭ .. ސޯ ސްޓްރޭންޖް…އަނެއްކާ…އަނެއްކާ އެމީހާ ފިލަންވެގެން މިތަނަށް ވަނީބާ… ” ހިތްބިރުގަނެފައި ހުރި ލިއާނާ އިތުރަށް ސިހުނީ ގަސްތަކުގެ ތެރެއިން އެންމެ ބިއްދޮށަށް ހުރި ފިނިފެންމާ ގަސްބޮނޑި ތެޅިލި އަޑެވެ. ފުރަތަމަ ފަހަރަށް ހީވިގޮތެއް ކަމަށް ހީކޮށްގެން ހުއްޓާ ދެވަނަ ފަހަރަށް ފެނުނީ އެދިމާލުން ކަޅުކުލައިގެ އަންނައުނުން ފޮރުވިގެން ހުރި މީހަކު ނުކުމެގެން އައިތަނެވެ. ލިއާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ކުއްލި ސިހުމުގައި އަޑުގެ ނެތްތަނެއް ހަޅޭއްލަވައި ނުގަނެވުނީ ކިރިއާއެވެ.
ގަނެފައި ހުރި ބިރު ކަނޑުވާލާފައި ލިއާނާ ކުރިއަށް ދިއައީ އެއި ކާކުތޯ ބަލަން ކޮންމެހެން ވެސް ބޭނުންވެފައި ހުރުމުންނެވެ. “ނިކަން ދޭބަލަ.. ބަލާ ނަން މިރޭ މީ ކާކު ތޯ.. މިގޭގެ މީހުންނަށް އަނިޔާ ވެރިވަމުންދުވާ އިރު މީނަގެ ބޭނުމެއް ވެސް އޮންނަން ވާނެ އެންނު… ” އެއްފަރާތަކަށް ވެއްޓިފައި އޮތް ގާބުރިއެއް ނަގާ އަތައް ހެޔޮވަރު ކޮށްލައިގެން ހުރެ އެމީހާއާއި ދިމާލަށް ދުއްވައިގަތެވެ. އެ މީހަކަށް ހަރަކާތެއް ކުރެވުމުގެ ކުރިން އަތުގައި އޮތް ގާބުރި ލިއާނާ އަމާޒުކޮށްލި އޭނާގެ ބޮލަށެވެ. އެއާއެކު ތަދުވި ވަރުން އޭނާ އަޑެއް ލައްވާލިއެވެ.
“ކަލޭ އަށް މިކަމުގެ ހަސްކާ ދައްކާލާނަން އެނގޭ..” ބޮލުގައި އަތް އަޅާއިގެން ހުރެ އޭނާ މިސްރާބުޖެހީ އެތަނުން ދުވެ ފިލާށޭވެ. އޭނާގެ އަޑު އިވުނު ހިނދު ފުދޭވަރަކަށް ދަންނަކަމެއް އެއަޑުގައި ހުރިހެން ލިއާނާއަށް ހީވިއެވެ. ނަމަވެސް އެކަމާ ވިސްނާކަށް އެވަގުތު އޭނާއަކަށް ނޫޅެވުނެވެ. އޭނާ ދުއްވައިގަތުމުން ލިއާނާ އެއަށް ވުރެން ހުށިޔާރެވެ. ބާރަކަށް އޭނައާއި ދިމާލަށް އައެވެ.
“ކަލޭ ދައްކަން ބޭނުންވާ ހަސްކާ އެއް ހަމަ ދައްކަން ވީ..މަށެއް ނުގަނޭ ކަލޭ ދެކެ ބިރެއް… ކަލޭގެ މޫނު ބަލާފަ މިތަނުން މަދާނީ…ޕޮލިހަށް ވެސް ގުޅާފަ ހަވާލު ވެސް ކުރާނަން.. ތިހެން ދޭ އިންޒާރަކަށް ގުޑާނެ މީހެއް ނޫން މަ މީ… ދައްކާ މޫނު” ލިއާނާ ހިފައިގަތީ އޭނާ ލާފައި ހުރި ގަމީޙުގެ ގިރުވާނުގައެވެ. ނިއްކުރިން ފައިބަމުން ލޭތަކުން އޭނާ ހުރީ ތަތްތެޅިފައެވެ.
ލިއާނާގެ އަތް ނައްޓުވާލަން އޭނާއަކަށް މާ ބޮޑުކަމަކަށް ނުވިއެވެ. ބޮޑު ފިރިހެނެއްގެ ކައިރިން ނާޒުކު އަންހެންކުއްޖަކަށް ފަސޭހައިން ކާމިޔާބު ލިބޭނެހެއްޔެވެ. ލިއާނާގެ އަތް ފޮޅުވާލުމަށް ފަހު ދުރަށް ހޫރައިލި ގޮތައް ޖެހުނީ ތިރީގައި އަތުރާފައިހުރި ގާތަކުގެ މައްޗަށެވެ. ދެފަޔަށް ވީ ތަދުން ލޮލުން ފެން އައިއެވެ.
“މަންމާ..ދޮންބޭ…މީހެކޭ” އެހިސާބުން މީހެއްގެ އެހީއަށް އެދެން އޭނާއަށް މަޖުބޫރުވިއެވެ. ބާރަށް ހަޅޭއްލަވަމުން ދިޔައެވެ. ހަދާނެ ގޮތް ހުސްވެގެން އެމީހަކު ދެފަރާތައް އެނބުރޭތަން ފެނުމުން ލިއާނާ ނުލަފާ ހިންޏެއް ހީލައިގެން އިނެވެ.
އަނެއްކާ ވެސް އިންތަނުން ތެދުވެ ކުރިން އޭނާ ޒަހަމްކޮށްލި ގާގަނޑު ދުރުގައި އޮތްތަން ފެނިގެން ދާން ދުއްވައިގައިން ހިނދު ފަހަތުން އައި މީހަކު ބާރުހުރި އެއްޗަކުން ލިއާނާގެ ބޮލަށް އަރުވާލި ހަމަލާއިން ހުރިދިމާލަށް ވެއްޓުނެވެ.
***
ނުނިދިގެން ދެފަރާތައް އެނބުރި އެނބުރި އޮތް އަރްކާން އެންމެ ފަހުން ތިރިއަށް ދިޔައީ ކޮފީއެއް ބޯލަން ބޭރަށް ނުކުމެލުމުގެ ބޭނުމުގައެވެ. ކަޅު ހޫޑީއާއި ސޯޓެއްގައި ހުރިއިރު ތަފާތުގޮތެއް ހުރިނަމަވެސް އެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. ތިރިއަށް އައި އަރްކާންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅާއިގަތީ ހުޅުވާފައިވާ ގޭގެ ބޮޑު ދޮރެވެ. ކޮފީއެއް ހަދާލައިގެން އޭނާ ބޭރަށް ނުކުތެވެ.
“ނަވާޒް.. ދޮރު ހުޅުވާފަ މިހުރީ ކިހިނެތް ވީ” އަރްކާން ފެނިގެން ކައިރިއަށް ހުއްޓުނު ނަވާޒްގެ ގާތު އޭނާ އަހައިލިއެވެ.
“ލިއާ ވެއްޖެ ބޭރުގަ… ފިނިކޮށްލަން ވެގެން ނުކުމެއޭ ބުނީ” ނަވާޒް ކިޔައިދިނުމުން އަރްކާންއަށް ނިއްއަރުވާލެވުނެވެ. ދުނިޔެ މައްޗަށް އެންމެ ވައިރޯޅި އެއް ވެސް ނުވާއިރު ގޭގެ ކޮޓަރިއަށް މާ ފިނިވާނެ ކަން ގައިމެވެ. އޭނާ ގާތައް ހިނިވެސް އައެވެ.
“ކިހާ ފިންޏެއް ވާނެ.. ނަވާޒްމެން ވެސް ތި ތިބީ ވާ ފިނިން ދާހިއްލާ ގަނެފަ” އަރްކާންގެ ޖުމްލަ އިވި ނުހޭން ހުއްޓާވެސް ނަވާޒްގެ ގާތައް ހިނިއައެވެ.
“ކޮބާ މަންނޫން އާއި ރަސަލް..އެމީހުން އޮފް ދުވަހެއް ދޯ..” ކޮފީ ތަށި ތުބުގައި ޖަހައިލަމުން ހިނގައިގެން އަރްކާން އަށް ހުއްޓުން އެރީ ބަގީޗާއާއި ދިމާލުން ފުރޭނިގެން އައިހަޅޭކެއްގެ އަޑަކުންނެވެ. އަރްކާން އަށް ބަލައިލެވުނީ ނަވާޒްއާއި ދިމާލެވެ.
“ލިއާ..” ކުއްލިއަކަށް ނަވާޒް ބުނެލުމާއި އެކު އަތުގައި ހުރި ކޮފީތަށި ވެސް ދޫކޮށްލުމަށްފަހު އަރްކާން އެދިމާލަށް ދުއްވައިގަތެވެ. އޭނާގެ ފަހަތުން ނަވާޒް އާއި ދެތިން ގާޑުން ދިޔައެވެ.
ބަގީޗާގެ ތެރެއަށް ވައިން އަރްކާންގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ތިރިއަށް ވެއްޓިފައި އޮތް ލިއާނާއެވެ. އޭނާގެ ކައިރީގައި ހުރި ލޭތަން ފެނި އަރްކާންގެ މެޔަށް ގުޑުން އަރައިގެން ދިޔައެވެ.
“ލިއާނާ..އޭތް..ލިއާ..ލޯ ހުޅުވަބަލަ..އަހަރެން ބިރު ނުގަންނުވާ ބަލަ ލިއާ..” ލިއާނާގެ ކައިރިއަށް ޖެހިގަނެވުނު އިރު އެމޫނުކޮޅު ފެނި އަރްކާންގެ ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. ކިރިޔަ ކިރިޔާ ދެލޯ ހުޅުވުން އިރު އަނެއްކާ ވެސް ލިއާނާގެ ދެލޯ މެރުނެވެ. ކޮންމެވެސް އެއްޗެއް ބުނަންވެގެން ދެ ތުންފަތް ހަރަކާތް ކޮށްލި ނަމަވެސް ހަށިގަނޑުގައި ވަރެއް ނެތުމުން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.
“ޝޫޝްޝް..މި ގެންދަނީ ގެޔަށް..ހޭންގިން ދެއާރ..” އިތުރަށް މަޑުނުކޮށް އަތްދަނޑިމައްޗަށް އުފުލާލައިގެން ދުވެލާފައި އަރްކާން ވަނީ ގެޔަށެވެ. ލިވިންގްރޫމު ސޯފާގައި ލިއާނާ ބާއްވާލުމަށްފަހު ނަވާޒު ގެނަ ފެންތައްޓަކުން ފެންފޮދެއް ލިއާނާގެ މޫނުގައި ހާކާލިއެވެ.
“އަރްކާން އަހަންނަށް ހީވަނީ ލިއާގެ ބޯ ފަޅައިގެން ގޮސްފަ ހެން..ޒެވް އަށް ގުޅާފަ ގެނޭ..އަހަރެން މިދަނީ ކާރު ނެރެން.. ނޭނގޭ ކިހާ ގެއްލުމެއް ކަމެއް ލިބިފަ ހުރީ” ސޯފާގައި އޭނާ ބާއްވާފައި އޮތް ހިސާބުގައި އޭރު ފެވެމުންދިޔަ ލޭތަކަށް ނަޒަރެއް ދެމުން ނަވާޒްބުނެލިއެވެ. އޭނާ އަވަސް ކުރުމަށް ބުނި ނަމަވެސް އަރްކާން އިނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ޒެވިއަލްއާއި ވާހަކަ ނުދައްކާތާ ހަ އަހަރު ވެއްޖެއެވެ. އެ ހިތްވަރެއް ވެސް މިއަދު އޭނާގެ ކިބަޔަކު ނެތެވެ. އޭނާއަށް ދެން ބަލައިލެވުނީ ލިއާނާގެ މޫނަށެވެ. ލިއާނާ އޮތް ހާލުން މަޖުބޫރު ވެއްޖެއެވެ. ދެލޯ މެރިފައި އޮތް މޫނުމައްޗަށް ވެސް ހުދުކަމެއް ވެސް ވެއެވެ. ހަށިގަނޑު އެވަރަށް ލޭ ބޭރުވީމަ ވެސް ވާނީ އެކަހަލަ ގޮތެއްތާއެވެ. ލަސްނުކޮށް ފޯނު ނަގާފައި ޒެވިއަލްގެ ނަމްބަރު ޖަހައިލިއެވެ. އެ ނަމްބަރަކީ މީގެ ހައަހަރު ކުރިން ވެސް ޒެވިއަލް ގެންގުޅުނު ނަމްބަރެވެ. އަދިވެސް އަރްކާން އެ ނަމްބަރު ހިތުދަހެވެ.
ފޯނު ރިންގުވަމުން ދިޔައިރު އަރްކާން ހިތުގެ ހަމަނުޖެހުނު ވަނީ ނެގިފައެވެ. ހިތައް އުނދަގޫވަނީއެވެ. ދެރަ ވަނީއެވެ. ރުޅިގަދަވަނީއެވެ. ފުރަތަމަ ފަހަރަށް ފޯނު ރިންގުވަމުން ގޮސް ކެނޑުނު އިރު ވެސް އޭނާ ފޯނެއް ނުނެގިއެވެ. ދެވަނަ ބުރަށް ރިންގުވުމާއި އެކު ނަގައިފިއެވެ. ނަމަވެސް އަނގަޔަކުން ބަހެއް ނުބުނެވެ.
“މްމް..މީ..މީ.. ވަރަށް އަވަހަށް ތިރިއަށް އާދެބަލަ ..ލިއާނާ އަށް ކަމެއް ވެގެން..އަ” އަރްކާންގެ ޖުމްލަ ނުނިމެނީސް ޒެވިއަލް އެއްޗެއް ނުބުނެ ފޯނު ކަނޑާލައިއެވެ. އޭރު ކާރު ރެޑީ ކަމަށް ބުނެ ނަޥާޒް ވެސް އައިސްފިއެވެ. ޒެވިއަލް ނާންނަނީސް ދާންވީ ބާ އޭ ނޫނީ މަޑުކުރާނީބާއޭ ހީވެ އަރްކާންއަށް އިނދެވުނެވެ.
“އަރްކާން އެ މަންޖެ ގޮވައިގެން އަވަހަށް އާދޭ.. މިހާރުވެސް މާ ލަސް ވެއްޖެ.. ޒެވްއަށް ނިދިފަ ކަންނޭގެ.. އަހަރެން އެބަ ގުޅަން” ޒެވިއަލްއަށް ގުޅުމަށް ނަވާޒް ފޯނު ނެގި ހިނދު ލިފްޓުން ފައިބައިގެން ޒެވިއަލް އެދިމާލަށް ދުވެފައި އަންތަން ފެނުނެވެ. އޭރު އަރްކާން ލިއާނާ ނަގައިގަނެގެން ބޭރަށް ނުކުންނަނީއެވެ.
“ކިހިނެތް ވީ ލިއާއަށް..” ޒެވިއަލް ސުވާލް ކުރީ ކާރަށް އަރައިފައެވެ. ނަވާޒް ކާރު ދުއްވަން އިން އިރު އޭނައާއި ޖެހިގެން އަރްކާން އިނެވެ. ޒެވިއަލްގެ އުނގުމަތީގައި އޮތް ލިއާނާގެ ބޮލުގައި ފިރުމާލަމުން ދިޔައިރު ލިއާނާ އޮތްގޮތް ފެނި ފެންކަޅިވިއެވެ.
ނަވާޒް ކުރުގޮތަކަށް އެމީހުންނަށް ފެނުނު މަންޒަރު ކިޔައިދިނެވެ. “އަސްލު ކަން ހިނގާދިޔަ ގޮތް އެނގޭނީ ލިއާއަށް ހޭވެރިކަން ލިބުނީމަ… ހިޔެއް ނުވޭ އާދައިގެ ކަމެއް ހެންނެއް..ގާޑުން ވެސް ބަލާފަ ބުނި އެއްވެސް މީހެއްގެ ހިލަމެއް ނުވާ ޥާހަކަ…އަނެއްކާ އެދިމާލަކީ ފާރެއް މަތިން ވެސް ފުންމާލެވޭހެން ހުރިތަނެއް ނޫން” ނަވާޒްގެ ސީރިއަސް މޫނުމަތިން ވެސް ލިއާނާއާއި މެދު ކަންބޮޑުވެފައި ވީ ވަރު ހާމަވެއެވެ.
އެހުރިހާއިރު އަރްކާން އިނީ އެއްޗެއް ނުބުނެއެވެ. ނަމަވެސް ގެޔަށް ދެވުނުހާ އަވަހަކަށް ލިއާނާއަށް އެހެން ދިމާވާން މެދުވެރިވި ސަބަބު ހޯދަން އޭނާ އަޒުމް ކަނޑައެޅިއެވެ. ނަވާޒް އެހެން ބުނި ނަމަވެސް އެއީ ގެޔަށް މީހަކު ވަދެގެން ދިން ހަމަލާއެއްކަން އޭނާ ދެނެގަނެވުނެވެ. ނަމަވެސް އެހާ ވަރުގަދަ ސެކިއުރިޓީއެއް އޮއްވާ މިފަދަކަމެއް ތަކުރާރްކޮން ހިނގަމުން ދާތީ އަޖައިބުވިއެވެ. ފުރަތަމަ އަލާރާއެވެ. ދެން އީވާ އެވެ. މިފަހަރު ލިއާނާއެވެ. ކޮންމެވެސް ކަންތައް ގަނޑެއް އެބަ ހިނގައެވެ. ލޯ ގަނޑުން ލިއާނާގެ މޫނު ފެނުނު ހިނދު އަރްކާން އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
***
(ނުނިމޭ)