މި ޖިސްމުގާ ވަނީ 23 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 23

“އަހަރެންގެ ފިރިހެން ދަރި، ވިޝާމް … ކައިވެނި ކުރަން ނޫޅޭތީ އަހަރެމެން މިކިޔަނީ އެ ވާހަކަ ތާ އަބަދު.. އަހަންނަށް އެނގޭ އޭނާ އަމިއްލައަށް އެކަމާއި ނޫޅޭނެކަން.. ނުކިޔަން ހުއްޓަސް އެހެންވެ ކިޔެނީ ވެސް..ދެން ހުރެ ހުރެފަ އިހަށް ދުވަހު ބުނެފި ބައްޕަ ބޭނުން ކޮންމެ މީހަކާއި ވެސް ކައިވެނި ކުރާނަމޯ.. ބޭނުން ކުއްޖަކާއި ކައިވެނި ހަމަޖައްސުވާށޯ.. ޒާހިރް .. އަހަންނަށް އިނގޭ އިނގޭ ޒަން އާއި ވިޝާމްގެ އުމުރުގެ ތަފާތް ހުންނާނެކަން.. އެކަމަކު ވެސް އަހަރެމެންނަށް ވަރަށް ކަމުދޭ ޒަން.. އެދެކުދިން ގުޅުވުމާއި ދޭތެރޭގަ ކީކޭ ބުނަނީ؟ ފެންނަ ކަމެއްތަ؟” ހައިކަލް އެންމެފަހުން ބުނަން ބޭނުންވި ވާޙަކަ ދުލުކުރިއަށް ގެނައެވެ.

***

ހައިކަލްގެ ވާޙަކަ އަހާފައި ޒާހިރް އިނީ ގަބޫލް ކުރަން އުނދަގޫވެފައެވެ. އަނގަމަތީގައި އަތް އަޅާލެވުނު ގޮތައް ބަސް ހުއްޓިފައި އޭނާއަށް އިނދެވުނެވެ.

“ޒާހިރްގެ ގާތައް މި ޥާހަކަ ހިފައިގެން މިއައީ އަންހެނުންނާއި ދަރިންކުރެން ލަފާ ހޯދާފަ.. ހުރިހާ ކުދިންނަށް ވެސް ފެންނަ ވަރަށް ރަނގަޅު ކަމެއް މިއީ.. އަދި ހާއްސަ ގޮތެއްގައި އާމިލާއަށް ވަރަށް ބޮޑަށް ޒަން ކަމުގޮސްފަ އޮތީ.. އިއްޔެ  ބުނިން ޒާހިރްގެ ގާތުގަ މި ވާހަކަ ދައްކާނެ ވާހަކަ.. ބުނީން ސުރެން އިރުކޮޅަކާ އަހާ..މިއަދު އޮފީހަށް އައި ފަހުން ވެސް ދެފަހަރަށް ގުޅައިފި..ޒާހިރްއަށް ކިހިނެތް ފެންނަނީ؟” ޒާހިރް އަދިވެސް އެކަމާއި ބަހެއް ނުބުނާތީ ހައިކަލް އިނީ މާޔޫސް ވާގޮތްވެފައެވެ. ނަމަވެސް އޭނާގެ މޫނުމައްޗަކުން އެ ކުލައެއް ނުދައްކައެވެ. މޭޒުމަތީގައި އިނގިލި ތަކުން ތަޅާލަ ތަޅާލަ ހައިކަލް އިނެވެ.

“އަހަރެން މި އިނީ ބުނާނެ ބަހެއް ދުލަށް ވެސް ނައިސްގެން ހައިކަލް.. އަހަންނަށް ވަރަށް ކަމުގޮސްފި ތި ހުށައެޅުން.. ޒަންގެ ހާލަތައް ބަލާފަ ބޭނުމެއް ނޫން ތޯތޯ މީހެއްގެ އަތްމައްޗަށް އެ ކުއްޖާ ދޫކޮށްލާކަށް.. ވިޝާމްފަދަ ހަރުދަނާ ޒުވާނެއްގެ އަތައް ޒަން ދޭން ކެރިދާނެ ލޯމަޜާލާފަ ވެސް..  އެއީ ނުލާހިކު ރަނގަޅު ކުއްޖެއް.. އެކަމަކު ޒަންއާއި އިންނަން ވިޝާމް ހަމަ ރުހޭނެތަ..؟ އޭނާ ކީކޭ ބުނަނީ މިކަމާ؟ޒަންގެ ހާލަތު އެނގޭނެ ދޯ ވިޝާމްއަށް؟” ހައިކަލްގެ ހުށަހެޅުމުން ޒާހިރްއަށް ލިބުނީ އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމެވެ. އުފާވެރިކަމުގެ އަސަރްތަކުން މޫނުމަތި ފުރެން ގިނައިރެއް ނުނެގިއެވެ. ދުވަސްވީ ރަޙްމަތްތެރިޔާއާއި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް މިލިބުނީ ކިހާ ރަނގަޅު ފުރުސަތެއް ހެއްޔެވެ. މިއުފާވެރި ހަބަރު ލައިލާއާއި ހިއްސާ ކުރުމަށް ޒާހިރް ހުރީ ކެތްމަދުވެފައެވެ.

“ވިޝާމް އޮތީއަހަރެންގެ އަތްމައްޗަށް ދޫކޮށްލާފަ..އޭނާއަށް އެނގޭނެ ދެރަ ނިންމުމެއް އަހަރެން ނުނިންމާނެ ކަން.. އޭނާއަށް އެނގޭނެ ޒަންގެ ހާލަތު .. ޒާހިރް ރުހި ގަބޫލް ދޯ އެހެންވީމަ؟” އުފަލުން ފޮޅިފައި އިނދެވެސް ހައިކަލް ބޭނުންވީ ޔަގީން ކުރާށެވެ.

“އަހަރެން ވަރަށް ގަބޫލް.. ހައިކަލް އަހަންނަކަށް ނުފެނޭ އެހާ ގިނަ ދުވަސްކުރާކަށް.. ވީ އެންމެ އަވަހަކަށް ކައިވެނީގެ ކަންތައް ކުރަން ފަށަން ފެންނަނީ.. ކީކޭ މިކަމާއި ދޭތެރޭގަ ބުނަނީ ؟”

“އަހަންނަށް ވެސް ހީވަނީ ތިއީހެން އެންމެ ރަނގަޅުގޮތަކީ.. އެހެންވީމަ ހުރިޙާ ކުދިން ގޮވައިގެން މާދަމާ  ރޭ އަހަރެމެންގެއަށް އައުން ކިހިނެތް ވާނެ.. ދެ އާއިލާއިން ވާހަކަ ދައްކާލަން ރަނގަޅު ގޮތެއް ނު.. ހާއްސަކޮން ދެކުދިން ބައްދަލް ކުރުވާލަން.. ” ހައިކަލްގެ ދިން ހިޔާލް ޒާހިރްއަށް ކަމުދިޔައެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އެކަމާއި އެއްބަސްވެ ބޯޖަހައިލިއެވެ.

***

މަސައްކަތުގެ ވަގުތައް ފަހު ގެއަށް އައި ގޮތައް އަމީރާއަށް އެނދައް ވެއްޓިގަނެވުނެވެ. ނަދީމްއާއި އެކު އައުމަށްޓަކައި ކާރަށް އަރަން އުޅުނު ވަގުތު އިޔާން ނުކުތީ، އެ އަންހެންކުއްޖާ އާއި އެކު ސްޓޭޝަނުންނެވެ. އަމީރާ ބަލަން ހުރިކަން އެނގޭނެއެވެ. ނަމަވެސް ދެނެހުރި ކަމަށް ހަދާނުލާ އޭނާގެ އަތުގައި ހިފާލައިގެން ގޮސް އެރީ އިޔާންގެ ކާރަށެވެ. އެ މަންޒަރު ސިފަވެގެންދާ ކޮންމެ ފަހަރަކު ހިތުގައި އުފެދިގެންދަނީ ތޫނު ވޭނެކެވެ. ދެލޮލުގައި ފުރި ބާރުވެފައިވީ ކަރުނުތައް ލަސްލަހުން ބޭރު ކުރަމުން ދިޔައިރު ހިމޭން ގިސްލުމެއްގެ އަޑު ކޮޓަރީގައި ހިފާލާފައި ހުއްޓެވެ.

“ހަގީގަތް ހާމަ ކޮށްދީފަ ،އަހަންނަށް ތިދިނީ ކިހާ ބޮޑު ދެރައެއް.. ހަގީގަތައް ފަހު އަހަރެން އިތުރަށް ގަބޫލް ނުކުރިނަމަ ރަނގަޅު ތިހެން ހަދަން.. އިޔާން ހީކުރި މި ވޭތުވެ ދިޔަ ދުވަސްތަކުގަ އަހަރެން އެހުރީ އުފަލުން ފޮޅިގެން ކަމަށްތަ؟.. އެހުރިހާ ކަމެއް ވެގެން ދިޔައިރުވެސް، އިޔާންދެކެ ވީ ލޯބިން ޒައްރެއްގެ މިންވަރު ވެސް އުނި ނުކޮށްލަން .. އަދިވެސް މި ހިތުގަ ތާޒާކަން މަތީގަ ތި ލޯބި އެބަވޭ.. ވީ އިރު އިޔާން ކީއްވެ؟ ކީއްވެ؟ އިޔާންއަށް ބައިވެރިއެއް ނުހޯދާ ކެތްކޮށްލެވުނީ ތިރީހަކަށް މިނެޓްއަށް… އަހަންނަށް އިޙްސާސް ވެއްޖެ ވާހަކަ ދައްކަން އައުމުން ، ޗާންސް ނުދެވުން އެއީ ކުރެވުނު ބޮޑު ކުށެއްކަން.. ވަރަށް ރީތިކޮން ބަދަލް ހިފާލައިފި.. ކުރެވުނު ކުށައް މާފަށް އެދެން ތި ފައި ބުޑަށް ދާނަން..”

“މާކް ހުރި ނަމަ.. އެހާ ރަނގަޅު އެކުވެރިއެއް އެއްވެސް މިހަކާށް ލިބޭނެބާ.. މީހެއްގެ މުހިއްމުކަން އިޙްސާސްވާނީ ވަގުތު ފާއިތުވާ ފަހުންނޭ ބުނަނީ މިހެންވެ..އައި ނީޑް ހިމް… އައި ނީޑް ހިމް” ކަރުނައިގެ ސިފައިގާ ހިތުގާއި ވާހާ އާޙެއް ބޭރުކުރަމުން ދިޔައިރު، ނަފްސު ބަލިކަށި ވެފައިވަނީ އިންތިހާއަށެވެ. އެ ލޯތްބަށް ފެން ބޮވައިގަނެފައިވާ ހާލު، އިޔާން އެ ދައްކާ ދުރުކަމާއި އެކުމެ ކުރިމަތީގައި ކެތްކުރެވޭނެ ހެއްޔެވެ. އެ ލޮލުން ވެއްޓިގެންދާ ކޮންމެ ކަރުނުތިއްކެއްގެ ތެރެއިން ފެނުނީ، އެތައް އުންމީދުތަކެއްގެ ކުލަވަރު ފޭދިގެން ދިޔަ ހިތްދަތި މަންޒަރެވެ.

އަނެއްކޮޅުން މާކިންގެ ހަނދާންތައް ހިތައް ތަދުކުރަމުން ދިޔައެވެ. ދެރަ ނިކަމެތި ކަމެއް ލިބޭ ކޮންމެ ވަގުތަކު ކޮންމެ ސިފައެއްގައި ނަމަވެސް ހުރެދިނީ އޭނާއެވެ. ޖާނާއި ފުރާނަ ގުރުބާންކޮށް ގެން އަމީރާގެ ސަލާމަތައް އެދި އައީ ވެސް އޭނާއެވެ. ހިތާމައިގެ ކަނޑަށް ޢަރަޤްވާ ކޮންމެ ދަނޑިވަޅެއްގައި މާކިންގެ ހަނދާންތަކުން އެހިތް އިތުރަށް ރޮއްވާލައެވެ.

“އެމީ..އެމީ” ކޮޓާރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ މަޖުދާއެވެ. އަމީރާ ސިހުނެވެ. އެފަދަ ހާލަތެއްގައި އޭނާ ވަނިކޮން ފެނިއްޖެނަމަ ޔަގީނުންވެސް ސުވާލް އުފެދޭނެއެވެ. އޭނާ ގަސްތުކުރީ ނުތެދުވެ އޮންނާށެވެ. މިވަގުތު އައިސް ކުރާ ސުވާލަކަށް ޖަވާބު ދޭނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.

“ނިދުނީ ކަންނޭގެ ވަރުބަލިވެގެން..” ފަހަތުގައި ހުރި ނާޔާއަށް އިވޭ ވަރަށް ބުނެލަމުން މަޖުދާ އެކޮޓަރީގެ ދޮރު ލައްޕާލީ ނުހަނު މަޑުމަޑުންނެވެ.

އަމީރާ ދެލޯ ހުޅުވާލީ ދޮރުޖެހުނު އަޑުއަހާފައެވެ. އޭރު އޭނާގެ ފޯނަށް ލައިބާގެ ކޯލްތައް ފުލުފުލުން އާދެއެވެ. ފަހެއް ޖަޙާއިރު، އެކުވެރިންނާއި ބައްދަލް ކުރުމަށް ރޭވިކަން ވެސް ހަނދާންވީ އެވަގުތުއެވެ.

“އޭއި އެމީ.. ލައި މިދަނީ އިނގޭ ބަލާ.. ނުކުންނައްޗޭ.. ހީވަނީ ޓެން މިނެޓްސް ތެރޭގަ ފޯރާނެހެން” ލައިބާގެ ކޯލް ނެގި ހިނދު ބުނެލިއެވެ. އަމީރާވެސް އާއެކޭ ބުނެ ފޯނު ކަނޑާލަމުން ތައްޔާރުވެލަން ތެދުވިއެވެ.

މޫނު ދޮވުނު ނަމަވެސް އަމީރާގެ މޫނުގައިވާ ދުޅަކަން އެގޮތުގައި ހުއްޓެވެ. އިރަމްގެ ސާމާނުން  ލުއި މޭކަޕެއް ކޮށްލައިގެން، އަމީރާ ނުކުތެވެ. އެވަރުންވެސް ކޮންމެވެސް ވަރަކަށް ފާހަގަވެއެވެ.  ނުކުތް އިރު ސޯފާގައި މަޖުދާ އިންތަން ފެނި ހީލެވުނެވެ. އަމީރާ ރީތިވެގެން ހުރިތަން ފެނި މަޖުދާއަށް ސުޥާލުކުރިއެވެ.

“މިދަނީ ފްރެންޑް ކުދިން އިންވައިޓް ކޮށްގެން”

“އެހެންތަ.. ބޭބެ ކައިރީގަ އެބަ ބުނެލަން އެނގޭ”

“ނޫނޭ..އެމީހުން އެބަ އާދޭ ބަލައި.. ކޮބާ ރީއްކޮ؟ އައި އިރު ފެންނާކަށް ނެތް” ރީއާ މަތިން ހަނދާންވެގެން އެހުނެވެ.

“ޔުމާން އާއި  ނާޔާ އެދިޔައީ ދެންމެ ގޮވައިގެން.. ހީވަނީ ސެންޓްރަލް ޕާކަށް ހެން… އެމީ ނުފެނިގެން ވަރަކަށް ރީއްކޮ ރޮވުނު ފަހުން ޔޫވީ އައީ .. ޔޫވީ ވެސް އައި ގޮތައް ހޯދަން ފެށީ އެމީ.. އެންމެފަހުން ގޭގަ ނުތިބެވިގެން އެދިޔައީ.. އިރުކޮޅެއް ކުރިން ދޮރު ހުޅުވާލިން.. ނިދިފަ އޮތީމަ މި ނުކުތީ.. މްމްމްމް ކިޙާ އިރަކު ގާތްގަނޑަކަށް ނިމޭނީ؟”

“މޭބީ އެއިޓްގަ ކަންނޭގެ .. އިރޫ ބުނި އެއިޓްގަ ބޭރަށް ދާން.. ކޮންމެ ވެސް އެއްޗެއް ގަންނަން ވެގެންނޭ ބުނީ.. ދައްތަ ކަމެއް ބޭނުންވީތަ؟” ވަމުންދާ ގޮތް ކޮންމެވެސް ވަރަކަށް ފަޙްމް ވާތީ އަމީރާގެ ގާތައް ހިނިއަންނަގޮތްވިއެވެ. އިރަމްވެސް ދެތިންފަހަރު މެސެޖް ކޮށްފައި ކޮންތާކުތޯ ވެސް އަހައިފިއެވެ. އަމީރާގެ ގާތައް ޔޫވިން އަންނަން ކިޔާވަރުން ކަމަށް ބުނެ ނާޔާ ވެސް އެހާ ވަރަށް މެސެޖްކޮށްފިއެވެ.

“ނޫނޭ ދަރިފުޅާ.. މި ބަލައިލީ ހަމަ.. ބަލައިގެން އުޅެއްޗޭ.. މަގު ހުރަސް ކުރަން ނޫޅެއްޗޭ އެކަނިން..” މަޖުދާ ނިކަން ހިނިއައިސްފައި ހުރެ އަމީރާގެ އަރިކަށީގައި ފިރުމާލިއެވެ. އަމީރާވެސް ލުއި ހިނިތުންވުމެއް ދެމުން ގެއިން ނުކުމަތެވެ.

ގޭޓު ކައިރީގައި މާގިނައިރު އިންތިޒާރުގައި ހުންނާކަށް ނުޖެހުނެވެ. ދާދި ގާތައް ކާރެއް މަޑުކޮށްލިއެވެ. ޑްރައިވަރު ސީޓާއި ޖެހިގެން އިންސީޓުގެ ދޮރު ހުޅުވާލަމުން ލައިބާ ފޭބިއެވެ. އަމީރާގެ ފަހަތުން އޭނާ އެރީ ފަހަތަށެވެ.

“ހާއީ… ހައުޒް ޔޫ؟.. ލައި ބުނި އިއްޔެ ހޮސްޕިޓަލަށް ގެންދިޔައަ ވާހަކަ” ކާރު ދުއްވާލަމުން ސައިމަން އަހާލިއެވެ. މިހާރު ރަނގަޅު ކަމަށް ބުނެ އަމީރާ ދިނީ ކުރު ޖަވާބެކެވެ.

“ލައި ސައިކަލްގަ އަންނަން އުޅެފަ ވެސް އެމީއަށް އަރަން ނުކެރޭނެ ވާހަކަ ބުނީމަ ކާރުގަ މިއައީ.. އަޅެ ދާއިރު ހިނގާބަ ސައިކަލްގަ ދާން.. އޭރުން ބިރު ކެނޑޭނީ.. އަހަރެމެންނަށް ސައިމަން ނުލާ ތާކަށް ދެވޭނީ ވެސް އޭރުންނު ދޯ.. ރައިޑް އަކަށް ގޮސްލާފަ ލެޓްސް އެންޖޯއީ ”

“އާއްޗާ.. އޭރުން އެހެން ސައިކަލްއެއްގަ ހަމަ ފަހަތުން ދާނަން” އަމީރާއަށް އެއްޗެއް ނުބުނެވީސް ސައިމަން ބުނެލިއެވެ. ފަހަތުގައި އިނދެފައި ވެސް ލައިބާގެ އަތް ސައިމަންގެ ކޮނޑާއި ހަމައަށް ފޯރިއެވެ.

“އައޫޗް.. ތޮޅުނީމަ ވެސް ދާނަން  ފަހަތުން.. ހަހްހް.. ޔަގީނޭ މެރީ ކޮށްފަ ވެސް ތޮޅޭނީކަން” ލައިބާ ޖެހި ތަނުގައި ފިރުމާލަމުން ސައިމަން އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ދެމީހުންގެ ކޯޅުން ފެނި އަމީރާގެ ހަޜާބުވެފައި މޫޑަށް ދިރުމެއް ލިބުނެވެ. އޭނާއަށް ހެވުނެވެ.

“ދެކުދިން ނުތޮޅި ތިބޭ.. އަޅެ މިރޭ ސައިކަލް ޓްރައި ކޮށްލަން ހިނގާބަ .. އަމް ސްކެއާރޑް އަދިވެސް”

“ރަނގަޅުވާނެ އަދި އިރާދުކުރެއްވިއްޔާ.. މަގު ހުރަސް ކުރަން ނުކެރޭތީ އިންނަ ފިއާރ ބޮޑަށް އަސްލު އެއިންނަނީ.. އައި ވިލް ހެލްޕް އިނގޭ”އަމީރާގެ އަތުގައި ހިފާލަމުން ލައިބާ ބުނެލިއެވެ. ހިތްހަމަޖެހުނު ވަރުން އަމީރާއަށް ބޯޖަހައިލިއެވެ. އެމީހުންނަށް މަންޒިލަށް ފޯރުނު އިރު ހައެއް ޖަހަން މާ ގިނަ އިރެއް ނެތެވެ.

ލިބުނު ޖާގައެއްގައި ކާރު ޕާކް ކޮށްލާފައި ސައިމަން ދޮރު ހުޅުވާލުމުން، ފަހަތުން އަމީރާއާއި ލައިބާ ވެސް ނުކުތެވެ. ‘ވައިލެޓް ބާރ’ ރެސްޓޯރެންޓްގެ ތެރެއަށް ވަދެފައި އެމީހުން އެރީ ލިފްޓަށެވެ. ލައިބާ ފޭބީ އެންމެ މައްޗަށެވެ. ‘ރޫފްޓޮޕް’ ތާކަށް ވުމުން އެމީހުން އަމީރާއަށް ޓަކައި ހާއްސަ ކުރީ އެތަނެވެ.

” ހޫމްމް .. ކޮންމެވެސް ވަރަކަށް އެނގޭނެ ކަންނޭގެ ފާރިހްގެ އަނގަޔާއި ހެދި.. ސްޓީލް ލޯ މަރާލަބަ.. ނުހުޅުވައްޗޭ އެމީ”  އަމީރާ ހިނިއައިސްފައި ހުރެ ބޯޖަހައިލިއެވެ. ލައިބާ ބުނިގޮތައް ލޯމަރައިލިއެވެ. ދޮރާއި ހިސާބުން މޭޒާއި ދެވެންދެން އޭނާގެ އަތުން ލައިބާ ދޫނުކޮށްލައެވެ. ވިއްސާރަ މޫސުން ކަމުން ލޯ މަރާލައިގެން ހުއްޓަސް ފިނިކަން އިޙްސާސް ވަމުން ދިޔައެވެ. ވާރޭ ނުވެހޭ ވަގުތަކަށް ވަގުތެއް ނަމަވެސް ތެތްފިނި ވައިރޯޅިތައް ފުދޭވަރަކަށް ހުއްޓެވެ.

” ނައު ޔޫ ކޭން އޯޕެން” އަމީރާގެ މޫނު މަތިން އަތް ނެގުމަށްފަހު ދެލޯ ހުޅުވާލުމަށް ލައިބާ އެދުނެވެ. އެއާއި އެކު އެންމެން އެއް އަޑުން “ސަޕްއީޒް”އޭ ގޮވާލިއެވެ. އަމީރާ ދިޔައީ ސިއްސައިގެންނެވެ.

ރަނގަޅަށް ތަންތަން ފެންނަވަރުވެގެން ބަލައިލެވުނު ހިނދު އޭނާއަށް އަނގަމަތީގައި އަތް އެޅުނެވެ. ދެލޯ ބޮޑުވެފައި ހުރި އިރު، ހުރެވުނީ ރަނގަޅަށް ވެސް އާޝޯހް ވެފައެވެ. މިކަހަލަ ކަމެއް ކުރާކަން އެނގުނު ނަމަވެސް މާހައުލު އޮތްގޮތުން ރަނގަޅަށް ވެސް ސިހުނެވެ. “އޯހް މައި ގޯޑް!”

“ހަހަހްހާ.. އެމީ ކަމުދޭތަ ސަޕްރާއީޒް” ފަހަތުން އައިސް ޔުޒީނާ ބައްދާލިއެވެ. އޭރު އެންމެންގެ ހުނުމުގެ އަޑުން މުޅިތަންވަނީ ގުގުމާލާފައެވެ. އަވަސްއަވަހަށް ބޯޖަހާލެވުނު އިރު، ޝުކުރުގެ ބަހެއް ވެސް ދުލައް ނައެވެ. މުޅިތަން އޮތީ އޭނާއަށް ޓަކައި ތައްޔާރު ކޮށްފައެވެ. އެކި ވަރުގެ އުއްބައްތިއާއި ރަތާއި ކަޅުކުލައި ފިނިފެންމާ ބޭނުންކޮށްގެން އެމީހުން ތިބި މޭޒާއި، އަމީރާ ފޮޓޯ ނަގަން ތައްޔާރު ކޮށްފައި ހުރި ތަންކޮޅު ވެސް ވަނީ ނުހަނު ރީތި ‘ޑެކަރޭޝަން’އަކާއި އެކު ފުރިހަމައަށް ތައްޔާރު ކޮށްފައެވެ. އެއްފަރާތުގެ ބޮޑު ބާސްކެޓް ފުރާލާފައިވަނީ އެންމެ ފަހުގެ އިނގިރޭސި ވަހަކަތަކުންނެވެ. އަމީރާ އަނގަމަތީގައި އަތް އެޅިގޮތައް އައިސް ހުއްޓުނީ އެތާގައެވެ. ފަހަރަކު ފޮތެއް ބަލަން ފެށިއެވެ. އޭނާ ބޭނުންވެގެން އުޅުނު ހުރިހާ ވާހަކަ ފޮތެއް އޭގައިވިއެވެ. މުޅި ބާސްކެޓްގައި ބައްދާލައިގެން އިނދެ އެހެން މީހުންނާއި ދިމާލަށް ބަލައިލަމުން ތުންފިއްތާލިއެވެ. އަމީރާ އުޅެމުން ދިޔަ ގޮތް ސައިމަން ދިޔައީ ކެމެރާގައި ރައްކާ ކުރަމުންނެވެ.

“ޔޫ ގާއީޒްޒް.. އަޅެ އެކަމަކު ހާދަ ވޯކް އެކޭ.. އައި ލާވްވް ދިޒް..ހުވާ ރޮވިއްޖެ…. ކަމް ..” ބާސްކެޓްއިން އަތް ދޫކޮށްލާފައި ޔުޒީނާއާއި ލައިބާގެ ގައިގާ އަމީރާ ބައްދާލިއެވެ.

“ތެންކިއު.. ފާރިހް.. ތެންކިއު ސައިމަން.. ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ ވަރުގެ ސަޕްރާއީޒް އެއް މީ.. ތީ ހަމަ އެންމެ ބެސްޓް މީހުން” ލޮލުގެ ހިމަކޮޅު ތެމިލުމުން އަމީރާ ފުހެލިއެވެ. އަމީރާ ވާހަކަ ކިޔަން ހުންނަ ފޯރި އެންމެންނަށް ވެސް އެގޭތީ، އެ ޕޮއިންޓަށް ވިސްނާފަ ހުރި ވަރު ކޮންމެ ތާކުން ވެސް ފެނުނެވެ. އަޅާފައިވާ ކޭކްވެސް އިނީ ފޮތެއްގެ ބައްޓަމަށެވެ.

“އަދި ވަން މޯރ ޕާސަން އިންވޯލްވި”

“ކާކު”

“ވިޝާމް ސާރ.. އަހަރެމެން ކަމެއް ކުރަން އުޅޭކަން އެނގިގެން ވިޝާމް ސާރ އެމީ އަށް ދިން ގިފްޓްއެއް އަސްލު މިއީ” ފޮތް ބާސްކެޓްއަށް އިޝާރާތް ކޮށްލަމުން ޔުޒީނާ ބުނެލިއެވެ.

“ރިއަލީ؟” ގަބޫލް ކުރަން އަމީރާއަކަށް ފަސޭހައެއް ނުވިއެވެ. އެންމެން ހެވިފައި ތިބެ ބޯޖަހައިލަމުން އެއީ ހަމަ ވިޝާމް ދިން ހަދިޔާއެކޭ ބުނެލިއެވެ. އެފަދަ ބޮޑު ހަދިޔާއެއް ވިޝާމް ދިނުމުން ހައިރާންވީ ނަމަވެސް ، އެކުވެރިންގެ ކުރިމަތީގައި ސުވާލް ކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާއަށް ޝުކުރުގެ ބަހެއް ފަހުން ރައްދު ކޮށްލަން ނިންމާފައި އަމީރާ ބެލީ އެކުވެރިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭތޯއެވެ.

***

އިޔާންއާއި ޒޯޔާ ތިބީ އިޔާންގެ ކެބިންގައެވެ. މަގަތުގައި މަހުދީ ވެސް އިނެވެ.  އިޔާން އިނީ ފައިލެއް ހުޅުވާލައިގެންނެވެ. އޭނާ އުޅެމުން ދިޔަ ގޮތުން އެއްޗެއް ބުނަން ވެސް ނުކެރިފައި މަހުދީވެސް އިނެވެ. ދެމީހުން އެތާގައި ތިބޭތާ ވެސް މިހާރު އިރުކޮޅެއް ވެއްޖެއެވެ.

“ހެލޯ ؟” އިޔާން ވާހަކަ ދައްކަން ނޫޅުމުން މަހުދީ އެންމެ ފަހުން ގޮވާލިއެވެ. އެއިންގޮތައް އިނދެ ބޯ ޖަހައިލިއެވެ. އެކަމަކު އެއްޗެއް ބުނާކަށް ނޫޅުނެވެ.

“ރަވީހްގެ މައްޗަށް ރޭޕް ކުރަން އުޅުނު ކަމުގެ ކުށް ސާބިތުވެ، އިރޫއަށް ކުރި ހުރިހާ އަނިޔާތަކަކައް ފަންސަވީސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސް، މިހާރު ހުކުމް ތަންފީޒް ކުރުމަށް ބަންދު ވެސް ކޮށްފި.. އެހެންނު!. އެ ކޭސްގަ ނުފެނިގެން އުޅުނު ހާނިމް ފެނި، އޭނާއާއި އަދި ކުރިން ހައްޔަރު ކޮށްފަ ތިބި ތިން މީހުންގެ މައްޗަށް މަސްތުވާތަކެތީގެ ކުށް ސާބިތުވެ، ކޯޓުގެ މަރުހަލާ ވެސް ނިމި، އެމީހުންނަށް ވެސް ހުކުމް ކުރެވުނު ޖަލު ހުކުމް ތަންފީޒު ކުރުމަށް، ބަންދުކުރެވުނީމަ ވެސް ތި މޫނުން އުފާވެރިކަމެއް ނުފެނޭ.. ކިހިނެތް ވެފަ ތަ ތި އިންނަނީ ބްރަދާރ؟” މަހުދީ އެންމެ ފަހުން ބުންނެވެ. އިޔާން ގެންގުޅުނު ފައިލް އިން ނަޒަރު ވަކިކޮށްލަމުން ބަލައިލީ ޒޯޔާއަށެވެ.

“ސޮރީ ޒޯ.. މި ކަންތަކުގެ ތެރެއަށް ވެއްދުނީމަ.. އަދި ކުޑަ ދުވަސްކޮޅަކަށް މި ގޮތައް އުޅެލަ ދޭން ޖެހޭ އެބަ” އިޔާން ފެށީ މުޅިން އެހެން ވާހަކައެކެވެ. މަހުދީއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ.

“ސާރ އާރ ޔޫ އޯލް ރައިޓް؟” އިޔާންގެ މޫނުމަތި އޮއްސިފައިވީ ކީއްވެކަން އެނގުމުން މަހުދީ އަނެއްކާ ވެސް އެއްސެވެ. އިޔާން ޖަހައިލީ ބޮލެވެ.

“އިޓްސް އޯކޭ.. އެކަމަކު އެހާ ވަރަށް ނުރޮއްވައްޗޭ.. ދެރަވެސް ވޭ އެހާ އިނޮސެންޓްކޮން ހުންނަ ކުއްޖަކަށް މިހެން ހަދަން ޖެހޭތީ.. ސޯ މިރޭ ތިގެޔަށް ދިޔުންތަ އޮތީ؟” ޒޯޔާ އެއްސެވެ. ވަކި އެއްޗެއް ނުބުނެ އިޔާން ބޯ ޖަހައިލިއެވެ.

“މައްސަލައެއް ނެތް މިވަގުތު ދެން ޒޯ ދިޔަސް” އިޔާން ބުނެލުމުން ބޯޖަހާލާފައި ޒޯޔާ ނުކުތެވެ.

“އެހެން ކަމަކާއި މި ވިސްނާލީ.. އަސްލު އެންމެން ކައިރީގަ މިހެން ކިޔަން މިހުރީ.. އެކަމަކު ސައިމަން މިއަދު ބިޒީކޮން އުޅޭތީ މާދަމާ ކިޔާނީ އޭ ހިތާއި ހުރެފަވެސް، މިކަމާއި ހެދި ސިކުނޑިއަށް މާ ބޮޑަށް ޕްރެޝާރ ވާތީ މިއުޅެނީ” ހަގީގަތުގައި ވެސް އިޔާންގެ ވިސްނުން އެވަގުތު ހުރީ،  ހިއްސާ ކުރަން އެއުޅޭ ކަންތަކާއި ގުޅިފައެވެ.

“ކިޔާބަލަ ނިކަން” މަހުދީ ޝައުގުވެރިވިއެވެ. އިޔާން ފައިލް ލައްޕާލާފައި އައިސް ހުއްޓުނީ ކެބިންގެ ފާރުގައި ހަރުކޮށްފައި ހުރި ‘އިންވެސްޓިގޭޝަން  ބޯޑް’ ކައިރިއަވެ. އެ ނިވާކުރަން ހުންނަ ފަރުދާ ކަހާލިއެވެ. އެއާއި އެކު މަހުދީގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ.

ބޯޑުގައި ވަނީ އެކަންތައް ގަނޑުގައި ހައްޔަރު ކުރެވިފައިވާ ފަސް މީހުންނެވެ. ރަވީހްއާއި އޭނާގެ ބައިވެރިންނެވެ. ސަފްރާޒްއާއި މާޒިންގެ އިތުރުން ޖޫދު އަދި ހާނިމްއެވެ. ހާނިމް ފެނުނީ ދެދުވަސް ވަންދެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަސްތުވާތެކެތި ބޭނުންކޮށްގެން އެ މަސްތުކަމުގައި ވަނިކޮންނެވެ. ފަސް މީހުންގެ ފޮޓޯ ކައިރި ކައިރީގައި ވީ އިރު އެމީހުންގެ ފޮޓޯތަކުގެ ކައިރިން ވަކިން ހަތަރެސްކަން ގޮޅިއެއް މާކަރަކުން ކުރަހާލާފައި އިނެވެ. ގޮޅިތެރޭގައި ސުވާލް މާކެއް ޖަހާފައި އިނެވެ.

ސުވާލް މާކް ޖަހާފަ އިން ގޮޅީގެ ތިރިން ކަނާއަތް ފަރާތައް ކައްޗަކަށް ވާހެން ރޮނގުބުރިއެއް ދަމާލާފައި އިތުރު މީހެއް ފޮޓޯ އާއި ނަން އިނެވެ. ވައަތް ފަރާތުން ތިރިއަށް ވެސް ހަމަ އެހެން ރޮނގުބުރިއެއް ދަމާލާފައި އިނެވެ. އެކަމަކު އެދިމާލުގައި އިނީ ސުވާލް މާކެކެވެ.

“ބޯޑުގެ މެދުގަ މިތިބީ އެ ފަސް މީހުން.. މިމީހުންގެ ކައިރީގަ މާކް ޖަހާފަ މިހުރި ހުސްގޮޅި ނިސްބަތް މިކުރަނީ ހަވަނަ މީހާއަށް .. މި މީހުން ވެސް ކޯޓުގަ އިއްތިފާގުވި އެންނު އެމީހުންނޭ ކުރިކަމެއް ކުރީ..އިތުރު މީހެއްގެ ބައިވެރިވުމެއް ނެތޭ.. އެހެންވެ އިތުރު މީހެއްގެ އަތެއް ނުވާކަމަށް  ކޯޓުން މައްސަލަ ނިންމާލީ .. އެކަމަކު މަގޭ ހިތް ބުނަނީ ގޯހެއް އުޅެޔޭ.. ހަނދާން ވޭތަ.. ފުރަތަމަ ރަވީހް ހައްޔަރު ކުރި ދުވަހު އައި ލޯޔާރ.. އޭނާގެ ފޮޓޯ އާއި ނަަން މިތާގަ ވަކިން މިއިނީ..އެދުވަހު އޭނާަ ދިޔަގޮތައް އެއްވެސް ހިލަމެއް ނުވި.. އެހެންވެ މިކޮޅުން ހަމަޖެއްސި ލޯޔާރ އެއް އެހުރީ ފަހުން.. ”

“ކީކޭ ބުނަން ތިއުޅެނީ؟ ކޮން ހަވަނަ މީހެއް؟ ފަސް މީހުންނެއް ނޫންތަ ތިބީ؟ ތަންކޮޅެއް ފަސޭހައިން އަންޑަސްޓޭންޑް ވާހެން ކިޔާބަ” އިޔާން ދައްކަމުން ދިޔަ ވާހަކައިން މަހުދީ ހުރީ ބޮލުގައި ރިއްސައި ގަނެފައެވެ.

“ސާބަހޭ މަހުދީ..ހަނދާންވޭތަ ރަވީހް ހައްޔަރު ކުރި ދުވަހު މި ސްޓޭޝަނުގެ ބޭރުން އަންހެނެއްގެ ގައިގާ އޭނާގެ ފިރިމީހާ ތަޅައިގަތް މައްސަލައެއް ފެންމަތިވިއެއްނު… އެ ކޭސްއާއި ހަވާލްވީ ސައިމަން..  ސްޓޭޝަންގެ ބޭރުގަ މިހުންނަ ކެމެރާތައް ބަލަނިކޮން އިއްޔެ ސައިމަންއަށް ފާހަގަވީ ރަވީހްގެ ލޯޔާރ އޭ ކިޔާފަ އައި މީހާ..އެކަމަކު އެގަޑީގަ މި ފެނުނު އެއްޗަކީ..ބަލާލަބަ”އިޔާންގެ ޑެސްކްޓޮޕް މަހުދީއާއި ދިމާލަށް އަނބުރާލަމުން ވީޑީއޯ އަޅުވާލިއެވެ. ބަލަމުން ދިޔަ ވަރަކަށް މަހުދީއަށް ވެސް ނަގައިގަނެ ވިއްޖެއެވެ. އޭގެން ފެނުނީ ޒުވާން ފިރިހެނެއް، މާސްކަކާއި ތޮއްޕެއް އަޅާއިގެން ސްޓޭޝަނުން ނުކުންނަ ތަނެވެ.

“ސައިމަންއަށް އޭނާކަން ޔަގީންވީ ލާފަ ހުރި އެއްޗިހިނުން.. އޭނާއަށް ވެސް ފަހަތުން ފެނިފަ ހުރީ…މޫނެއް ނުފެނޭ.. ބަލާބަލަ ދެފަރާތައް ބަލަމުން ދާވަރު.. ޝައްކު ކުރޭނެ އެންނު މިވަރުން.. އަވަސް އަވަހަށް ހިނގާލާފަ ދިޔައީ.. މިއީ ހަމައެކަނި ގޭޓު ކައިރީގަ އިންނަ ކެމެރާގެ ފޫޓޭޖް.. މިއިން މިފެންނަނީ އޭނާ ބޭރަށް ނުކުތްތަން އެކަނި .. ބޭރަށް ނުކުމެވުނީ މަ އޭނާ އެހުރީ މާސްކް އަޅައިގެން.. އަތުގަ އެބަ އޮތް ފައިލްއެއް.. އެދުވަހު ރަވީހްގެ ގާތައް މީނަ ގެންދިޔަ ދެ އޮފިސާރ ވެސް ބުނި މިއީ ހަމަ އޭނައޭ..  އެހެން ބުނެގެން މި ބެލީ އިތުރު ކަމެއް ފެނޭތޯ.. ހައިރާން ވާންޖެހޭ ކަމަކީ އެދުވަހު މި މީހާ އައިސް ސްޓޭޝާނުން ވައިން ހިސާބުން ފެށިގެން، ސްޓޭޝާނުގެ ތެރޭގައިވެސް އުޅެނިކޮން ،އެއްވެސް ކެމެރާއެއްގައި މަންޒަރެއް ރައްކާ ވެފައިނުވާކަން.. ހަމައެކަނި ފެންނަން އިނީ ބޭރުގަ އެއިން ކެމެރާގެ މަންޒަރެއް…ހީވަނީ ކޮންމެވެސް މީހަކު ފޫޓޭޖްތަކާއި ކުޅެފަ ހުރިހެން.. ވަރަށް ބައިވަރު ކަނޑާފަ ހުރީ… މީނަ އަރާފަ އިން ހަމަ އެންމެ ފޫޓޭޖްއެއް ވެސް ނެތް.. ނުވިތާކަށް ބައްދަލް ކުރަން އައި ދުވަހު މިކޮޅަށް އޭނަގެ ފަރާތުން ދިން މައުލޫމާތު ފައިލްވެސް ވީ ގޮތެއް ނޭނގި ޢައިބްވެއްޖެ.. އެކަކަށް ވެސް ނުފެނުނު.. ބަރިބަރިއަށް ފައިލްތައް އަޅާފަ ހުރި އިރު އޭނާގެ ފައިލް ނެތީ ކީއްވެ ބާ.. މީ އަޖައިބު ވާކަހަލަ ކަމެއްނު.. މަހުދީ އެދުވަހު ދިޔައީ މެންނު… ދުށިންތަ އޭނަގެ މޫނު؟” އިޔާން ދައްކަމުން ދިޔަ ވާޙަކަ ތަކުން މަހުދީގެ ނިތައް ރޫއަރައިފިއެވެ.

“އަހަންނާއި ސައިމަން ދިޔައިން ބައްދަލް ކުރަން.. އެކަމަކު އެތަނަށް ނުދެވެނީސް ތިބުނިހެން އެދުވަހު ސްޓޭޝަންގެ ބޭރުން ދެމީހަކު ތަޅައިގަތް ހަބަރު ލިބިގެން ދާން ޖެހުނީ އެތަނަށް.. އެތަނަށް ދަނިކޮން ދެ އޮފިސަރުންނާއި އެކު އޭނާ ދުށިން ފަހަތުން.. މޫނެއް ނުފެނޭ.. އެކަމަކު ތި ފޫޓޭޖް ފެނުނީމަ ހަމަ ޔަގީން ވެއްޖެ .. ލާފައި އެހުރީ އެދުވަހު ލައިގެން ހުރި އެއްޗިސް .. ސައިމަން އުޅުނު އޭނާ އަރާފަ ހުރި ބްރޭންޑެޑް ބޫޓް ރީތިވެގެން.. އެންމެ ފުރަތަމަ ވެސް އަޅައިގަތީ މި ބޫޓްގަ.. ތިއީ ހަމަ އޭނާ.. ފޫޓޭޖްތައް ވެސް ދޯ…ދެން ކާކުބާ އެވަރުގެ ކަމެއް ކުރާނީ؟ އައިޓީއަށް އަންގާލާފަ ޗެކް ކޮށްލަން ހިނގާބަލަ ރީސްޓޯރ ވޭތޯ” މަހުދީ ހިޔާލް ފައުޅުކުރިއެވެ. އިޔާން ދެފަރާތައް ބޯ ހޫރުވާލީ އެ ނުލިބޭނެ އޭ ބުނާ ފަދައަކުންނެވެ.

“ޕާމެނަންޓްލީ ޑިލީޓެޑް.. ”

“އަނެއްކާ އެތަނުން މީހެއްގެ އަތެއް ނުޥާނެބަ؟ ”

“އޯލްރެޑީ ޗެކް ކޮށްފިން.. އިއްޔެއާއި މިއަދު ހަމަ އެކަމުގަ މިއުޅުނީ..އެންމެންނާއި ސުޥާލް ވެސް ކޮށްފިން .. ދެން އޮތީ ފޫޓޭޖްތަކުގެ ޑޭޓާރބޭސް އަށް އެކްސެސް ވެފަ ތިބި މީހުން ބެލުން.. އިއްޔެ އެންގިން ޒޯޔާއަށް އެކަންތައް ކުރަން..މަ ބުނިން ނިމިދިޔަމަހާއި މިމަހުގެ އެކްސެސް އޮޑިޓްއެއް ބޭނުންވާ ވާހަކަަ…އޭނާއަށް ދެދުވަސް ދީފަ އިންނާނީ.. ދެން އެތަނުން ގޮތެއް ވިއްޔާ ވީ..” އިޔާން ބުނެދިނެވެ. މަހުދީއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެއް ކަމުން ރަނގަޅަށް އަރައި ނުގަނެވެނީސް އަނެއްކަމެވެ.

“ކޮބާ ހައިކަލްބެ ރި އޯޕެނިންގއަށް ހަވާލް ކުރި އަމާޔާގެ ކޭސް ގަ އަހަރެން ހަވާލް ކުރި ކަންތައް އެބަ ކުރަންތަ؟”

“ޔެސް އެކަމާއި މިއުޅެނީ ހަމަ.. ރި އޯޕެނިންގ އަށް ބޭނުންވާނެ ހުރިހާ އެއްޗެއް މި ވީކްގަ ލިބޭނެ.. ހީވަނީ ނެކްސްޓް ތާޒްޑޭގަ ޑޮކިއުންމެންޓަތައް ލެވޭނެހެން.. މިހާރުވެސް އެކޮޅަށް އަންގާލާފަ އިންނާނެ، އެހެން ކޭސްތައް ހުއްޓަސް މި ކޭސްއާއި އަވަހަށް އުޅެލަން” މަހުދީ ޖަވާބު ދިނެވެ. އެ ޖަވާބުން އިޔާން ހިތްހަމަޖެހުނެވެ. ބޯޖަހާލާފައި މަހުދީއަށް ޝުކުރު އަދާކުރިއެވެ.

***

“އައްދޭ އައްދޭ.. ކީކޭ ހިތައް އަރައިގެން މިތަނަށް ތިއައީ..” ރެސްޓޯރެންޓްގެ އެންޓްރެސްގައި ޖަހާފައި ހުރި ތަނބެއްގައި ލެނގިލައިގެން ވިޝާމް ހުއްޓެވެ. ސަދަފް ކާރުން ފައިބައިގެން އަންނަމުން ދިޔަ ތަން ފެނި އޭނާ ދިމާ ކޮށްލިއެވެ. ސަދަފް ޖަހައިލީ ހިނިގަނޑެކެވެ. ވިޝާމް އެދިމާ ކުރަނީ ކީއްވެކަން އޭނާއަށް އެނގެއެވެ.

“އެހެންނުވާނީ އެންމެ ނުބައި ގަޑީގަ ދޮންބެ ގުޅާފަ އަންނަން ބުނީ.. ކީއްކޮށްގެން ނޯ އެއުޅެނީ؟ ނިކަން އަވަހަށް އަންނާށޭ ބުނެގެން މިއައީ ނުވެސް ކައި”

“ދޮންބެ އަންނަ ވާހަކަ ބުނެގެން ތއްތިބެ ވެސް މިހުންނަނީ މިތަނަށް ނުކުމެ.. ކޮންމެވެސް ބޮކްސް އެއް ހިފައިގެންނޯ އެއަންނަނީ.. ކުއްޖެއްގެ ބާރތްޑޭ ސެލެބްރޭޝަންއަކަށް ދާނަމޭ ހިތާއި މިހުރީ.. އެކަމަކު ވެސް ދެވޭ ގޮތެއް ނުވި މިކަމަކާއި ހުރެ…. ޝެޑީއަށް ވެސް ގުޅީ ދޯ..  އައި ތޯޓް އަނެއްކާ ވެސް ތިއައީ ޑޭޓަކަށް ރިޒަވޭޝާން ހައްދަން ކަމަށް.. އެހެންނުވާނީ މިތަން އެއް އަޑު ވެއްޖެ އިހަށް ރެއަކު ޝެޑީ އަންހެންކުއްޖަކު ގޮވައިގެން ކާން އައި ހަބަރާއިގެން.. ކޮން ކުއްޖެއްތަ އެއީ؟”

“ހަހަހާ..ދެން ތިއްތިބެ ވެސް ދޯ..އަހަރެމެން ދެމީހުންގެ އެކަހަލަ ކަމެއް ނެތޭ އަދި.. އާންން ދޮންބެއާއި ހެދި ނުހުރެވިގެން މިއައީ..މިއޮތް ވިއްސާރަ ދުވަހު ރަނގަޅެއްނު ގެއިން ބައްދަލް ކުރަން ވެސް.. އަދި އައި އިރު ބުނެލިއްޔެއް ވެސް ނޫނޭ”

“ބަލާލަ ވާހަކަ އޮޅުވާލި ގޮތް.. ކޮން އަންހެން ކުއްޖެއްހޭ އެއީ؟” ސަދަފް ވާހަކަ އޮޅުވާލި ގޮތުން ހިނި އައިސް ހުރެ ވިޝާމް ، އޭނާގެ ކޮނޑަށް އަތްވައްޓާލިއެވެ. ސަދަފްގެ މަސައްކަތް ނާކާމިޔާބު ވުމުން ކޮލަށް ދޫ ހަރާލައިގެން ހުރެވެސް ހޭންފެށިއެވެ.

“އަހަންނަކަށް ހިއެއް ނުވޭ ތިއްތިބެ އެހާ އުފާވާނެ ހެން އެ ކާކު ކަން އެނގުނީމަ.. މޭބީ ރުޅި އައުން ވެސް އެކަށީގެންވާ..” އެހުރިގޮތައް ހުރެ ސަދަފް ބުންޏެވެ. އެއީ އިރަމްކަން އެނގުމުން ވެސް އެހާ ހިނިއައިސް ވިޝާމް ހުންނާނެބާއެވެ.

“ވަޓް؟ އެއީ ކީއްވެގެން؟.. ޝެޑީ މެރީ ކުރާ ވިސްނުން ހުރިއްޔާ ތިއްތިބެ ވަރަށް އުފާވާނެ ހަމަ.. އެއީ ކޮންމެ ކުއްޖަކަށް ވިޔަސް ތިކަމަށް އެއްބާރުލުން ދޭނަން”

“އެއްބާރުލުން ދޭނަންތަ ހަމަ؟ ޕްރޮމިސް؟ ޕްރޮމިސް ކުރުމަށްފަހު ޖެހޭނެ ހަމަ އެކަމަށް އެހީވާން..” އޭރު ދެމީހުންނަށް ތިބެވުނީ ލިފްޓްގެ ކައިރީގައެވެ. ވިޝާމް ޝައުގުވެރިކަން ހުރިވަރުން ނިކަން އަވަހަށް ބޯޖަހާލައިފިއެވެ. މައްޗަށް އަރަން އުޅެނިކޮން ޔުމާން މެސެޖް ކުރުމަށްފަހު، އޭނާ އަންނަންދެން މަޑުކުރުމަށް އެދުމުން ދެމީހުން ލިފްޓް ކައިރީގައި މަޑުކޮށްގެން ތިއްބެވެ.

“ޓް ބީ ހޮނެސްޓް، އަދި ރިލޭޝަންޝިޕްއަކަށް ނުދަން.. އެކަމަކު ކުރު މުއްދަތެއްގެ ތެރޭގައި އެކުއްޖާ ވަރަށް ހާއްސަ ވެއްޖެ.. ދެފަހަރު މީޓް ވެއްޖެއް.. ތިއްތިބެއަށް ގަބޫލް ކުރާކަށް ފަސޭހައެއް ނުވާނެ ، އެކަމަކު ދުވަހަކު ވެސް އަންހެން ކުއްޖަކާއި އެކު އެގޮތަކަށް ކޮފީއަކަށް ވެސް ނުދަން.. ހަމަ ޖެހޭހާ އަންހެނާ ވާހަކަ ދެއްކުމުގެ އެއްވެސް ވިސްނުމެއް އަހަރެންގެ ނުހުރޭ އެއްވެސް އިރަކު.. ނޭނގޭ އޭނަ ފެނިގެން މިހާ ބޮޑު ބަދަލެއް މިއައީ ކީއްވެކަމެއް.. އައި މީން ކުރިން ވެސް އޭނައަކީ އޭނަކަން އެނގޭ.. އެކަމަކު އަހަރެމެންގެ ފޭޓްގަ އޭރު ދިމާ ވާން ނެތީކަންނޭގެ.. އައި ތިންކް އައި ހޭވް ފޯލެން ފޯރ ހާރ.. ” ފާރުގައި ލައްވެ، ހަށަމް ބަނދެލައިގެން ސަދަފް ހުރެ ބުނެދިނީ އެންމެ ފަހުން ކޮފީއަށް ދިޔަ ވާހަކައެވެ. އިރަމްގެ ނަން ނުބުނެ ސަދަފް ދޫކޮށްލިއެވެ. އިރަމްއާއި އެކު ކާންދިޔަ ރޭގެ ތަފްސީލަކަށް ގޮސްފިނަމަ ވިޝާމްއަށް އެނގޭނެތީ އެ ކަންތައް ވެސް ދޫކޮށްލިއެވެ.

“ބަޓް ހޫ އިޒް ދިސް ގާލް؟” ސަދަފްގެ ވާހަކަތައް އަޑުއެހުމަށް ހުރެފައި ވިޝާމް އަނެއްކާ ވެސް އެހީ އެސުވާލެވެ. އެނާގެ މޫނުގައިވީ ޝައުގުވެރިކަމެވެ.

“ދެން  ބޭރަށް ދެވޭ ފަހަރަކުން ސްނެޕް ކޮށްލާނަން” އެންމެ ފަހުން ސަދަފް ބުނެލިއެވެ. ނޫނީ ވިޝާމް ނުހުއްޓާނެއެވެ. ކޮންމެ ގޮތެއް ވެސް ވަރިހަމައެވެ. މިއަދު ދެން އެއީ އިރަމް ކަން  ބުނާނީއެވެ.

“އޯކޭ.. އެކަމަކު ކޮންމެހެން ހަދާފަ ވެސް މިއަދު ޖެހޭނެ ބުނަން.. އޭތްތް.. ދޮންބެ އެ މެސެޖް ކުރީ.. އަދި އެއްޗެއް މަދުވެގެންނޯ މި ނުކުތީ.. އިރޫ އާއި ނީއްކޮ އާއި މީރާން އަންނަތަން ފެނިގެން ހަވާލްކޮށްލަ ދީފީމޯ ބޮކްސް.. އިރުކޮޅެއް ވާނެއޯ، މައްޗަށް އަރާފަ ކޮފީއެއް ބޯލާށޯ” ޔުމާންގެ މެސެޖް ވިޝާމް ކިޔާލި ހިނދު، ސަދަފްއަށް ހިނިތުންވެލެވުނެވެ.

އިރަމްގެ ނަން އިވުމުން ހިތައް ގެނުވީ ބަޔާން ކުރަ ދަތި އުފާވެރި އިޙްސާސެކެވެ. ވިޝާމްއަށް ފަހްމް ނުވާނެހާ ސިއްރުން އިސްތަށިގަނޑު ރީތިކޮށްލެވުނެވެ. އޭނާގެ ނަޒަރު ލިފްޓާއި ހަމައަށް އާދެވެން އޮތްމަގުން ކަސިޔާރު ނުވެއެވެ. ވިޝާމް އެއްޗެއް ކިޔާކަން އެނގުނު ނަމަވެސް އެކަމަކަށް ސަމާލުކަމެއް ނެތެވެ. އާން ހޫން ލައްވާލަ ލައްވާލަ ހުއްޓެވެ. އެފަދަ ހާލެއްގައި ވަނިކޮން އިރަމްއާއި ނީޝަން އަންނަތަން ފެނުނެވެ. އެމީހުންނާއި އެއްހަމަ އެއްގައި މީރާން ވެސް އެބުނާ ފޮށި ހިފައިގެން ހުއްޓެވެ. ކޮންމެވެސް މަޖާ ވާހަކައެއްގައި ތިބެގެން ތިން މީހުން ވެސް ދިޔައީ ހެމުންނެވެ. ކަޅި ޖަހާނުލައި ބެލެމުން ދިޔައީ އިރަމްގެ މޫނަށެވެ. ހެމުން ދިޔައިރު އެ މޫނަށް ފަނޑު ޖަންބުކުލައެއް ފާއްދާލާފައި ހުއްޓެވެ. ސަދަފް ބަލަން ހުރިކަން އިޙްސާސް ނުވާކަހަލައެވެ.

“ހެލޯ ގާއީޒްޒް” އިރަމްއަށް ސަދަފް ފެނުނީ ވިޝާމްގެ އަޑަށް ބަލައިލި ހިނދުއެވެ. ވަގުތުން ހެއުން ހުއްޓި ލަދުރަކި ކަމެއް މޫނަށް ވެރިވިއެވެ. ސަދަފް ބަލަން ހުރި ގޮތުންވެސް މެޔަށް ފިނިވެގެން ދިޔައެވެ. ރަސްމީ ހެދުމުގައި ސަދަފް އެފެނުނީ އަލަށެވެ. ހުދުކުލައިގެ އަތް ދިގު ގަމީސް ، ހުރީ ކަޅުކުލައިގެ ޓްރައުޒާގެ ދަށް ޖަހާފައެވެ. ކަޅު ހިމަ ދިގު ޓައީ އެއް އަޅާލާފައި ހުރިއިރު، އަތުކުރި އޮތީ ކުޑަކޮން އޮޅާޅާފައެވެ. އަތުގެ ވަރުގަދަކަމާއި ނާރުތައް އެތުރިފައި ވާގޮތް ފެންނަން ހުއްޓެވެ. އިރަމްގެ ނޭވާ ހިފަހައްޓާލެވުނެވެ. ކަނދުރާއާއި ހަމައަތް އިސްތަށިގަނޑާއި އެކު ފުދޭވަރަކަށް ދިގުކޮށްފައިވާ ތުނބުޅިން ހިތައް ވަމުން ދިޔަ ގޮތް ކޮންޓްރޯލް ނުކުރެވިދާނެ ކަމުގެ ބިރު އޮތްވަރުން ނަޒަރު ވަކި ކޮށްލަން މަޖުބޫރުވިއެވެ. ސަދަފް ފެންނަ ކޮންމެ ފަހަރަކު ސިފަ ވެގެންދަނީ އޭނާ ކިޔާ އުޅޭ އިނގިރޭސި ވާހަކަ ފޮތްތަކުގައި އުޅޭ ކޮންމެ ވެސް ޝަހްސިއްޔަތަކާއިއެވެ.

“އެންމެ ފަހުން މީރާންއަށް ދޯ މިޖެހުނީ ހުރިޙާ އުނދަގުލެއް.. ކޯއްޗެއް މީ؟.. ހާދަ ބަރޭ.. އަނެއްކަ އޮތް ގާ އަޅާފަތަ” މީރާންގެ އަތުން ފޮށިގަނޑު ނަގައި ހިފާލި ހިނދު ދޫ ނުވީ ކިރިޔާއެވެ.

“މިރޭ އެމީގެ ބާރތްޑޭ ސެލެބްރޭޝަން އޮންނާނެތީވެ ގެނަ އެއްޗެއް ކަންނޭގެ.. ރޭގަ އަސްލު ބާއްވަން އުޅުނީ އެކަމަކު ވީ ގޮތުން ނުއެއްވި.. މިޙާރު ދޮންތަ އިތުރު އައިޑިއާ އެއް އައިސްގެން ހޯދާ ސާމާނު މި” އިރަމް ޖަޥާބު ދިނުމުން ވިޝާމް އެހެންހޭ ބުނެލިއެވެ.

“ހުސް ވާހަކަ ފޮތް ކަންނޭގެ މީ.. މިއަދު އެމީއަށް ފޮތްތަކެއް ލިބޭނެ.. ހަހަހަ”  ފޮށިގަނޑުން ތަންކޮޅެއް ފެންނަން އިނުމުން ވިޝާމް އުޅުނީ އެތެރޭގައި ހުރި އެއްޗެއް ބަލާށޭވެ. ފޮތެއްހެން ހީވާ އެއްޗެއް އޭނާއަށް ފެނުނު ހެން ހީވިއެވެ.

“އައި ގެސް.. ހަހަހަ..ދައްތިއަކީ ބުކް ލަވާރއެއް ކަން އެނގުނީމަ އެންމެން ބުކްސް ހޯދަނީ.. ނީޝް ތަފާތު ކޮށްލީ އެހެންވެ.. އަދި ދޮންބެ ޕެކް ކޮށްލާފަ ދެވޭނެނަމަ އަދި ދޮންބެ ދިނީހީ” ނީޝާން ބުނެލި ޖުމްލައިން މީރަންއަށް އަނގަ ހަދާލެވުނެވެ. ވިޝާމް ހުއްޓާ ބުނާ އެއްޗަކީ އިޔާން ނެތަސް އިޔާންގެ ގާތުގައި ބުނާ އެއްޗެކެވެ. އެމީހުން އެތަނަށް އައި ބޭނުން ވެސް މިވަރުން ދަންޏާ ފަޅާއަރާފާނެއެވެ.

“ކިޔާ އެއްޗިސް” އެދެމީހުން ތިއްބާ ނީޝަން އެހެން ބުނުމުން އިރަމްއަށް ކަމަކު ނުދިޔައެވެ.  ނީޝަންގެ ގައިގާ އޭނާ ވިކާލަމުން ބަލައިލި އިރު ވިޝާމް ހުރީ ހިނިއައިހެވެ.

 

“އެއްޗެއް ކާލަންތަ ތިއައީ؟”

“ނޫނޭ ހޮޓް ޗޮކްލެޓްއެއް ބޯންވެގެން .. ވާރެ ވެހޭތީވެ ބޯހިތްވީ ދޯ” ސަދަފްގެ މޫނަށް ކަޅިއެއް ދީފައި، އިރަމް، ވިޝާމްއަށް ޖަޥާބް ދިނެވެ.

“އެހެންތަ.. އާދޭ ޖޮއިން ވެލަން… އަހަރެމެން ދެމީހުންވެސް އެކަނިން މިއުޅެނީ” ވިޝާމް ދައުވަތު ދިނުމުން ނޫނެކޭ ބުނާކަށް ތިންމީހުން ކުރެން އެކަކަށް ވެސް ނުކެރުނެވެ. އެމީހުންއައީ އަމީރާއާއި އިޔާންގެ ވާހަކަ ދެއްކުމަށެވެ. އިޔާން ގޭގައި އުޅޭތީ އެފަދަ ވާހަކައެއް ގޭގައިވެސް ދެއްކޭކަށް ނެތެވެ. އަނެއްކޮޅުން ސިއްރުން ވާހަކައެއް ދައްކާ ކޮންމެ ފަހަރަކު އެތާކަށް އޮޅިގެން ވިޔަސް މަޖުދާއަށް އާދެވެއެވެ. މީރާން އެންމެ ރަނގަޅުކަމަށް ބުނެ އެމީހުންގެ ފަހަތުން ދިޔައެވެ.

އެމީހުން އެރީ ޓެރެހަށެވެ. ހިޔާކޮށްފައި އޮތް ހިސާބުން މޭޒެއްގައި އިށީންދެލުމާއި އެކު ވޭޓަރަކު އައިސް އޯޑާރު ނަގައިގެން ގޮސްފިއެވެ. ދެފަރާތައް ވާހެން ތިބި ދެގޮނޑީގައި ސަދަފްއާއި އިރަމް ތިބި އިރު އެކަކު އަނެއްކަކުގެ މޫނަށް ކަޅި ނުހުއްޓޭ ވަގުތެއް ނާދެއެވެ. މީރާންއާއި ވިޝާމް ހުއްޓާނުލާ ވާހަކަ ދައްކަމުން ދިޔައިރު އެދެމީހުންގެ ހާލަތު އެނގޭ ވަރެއް ނުވެއެވެ. ސަދަފް ވެސް އެމީހުންގެ ވާހަކައިގާ ދޭތެރެ އަކުން ބައިވެރި ވެލި ނަމަވެސް ފުރިހަމަ ސަމާލްކަން ދީގެން އިނީ އިރަމްއަށެވެ. ނީޝަން ވެސް އިނީ ފޯނަށް ބަލަހައްޓައި ގެންނެވެ.

“ނީއްކޯ… ދޮންބެއާއި އެމީ ދައްތަ އާއި އަޅުވާ ކިޔަން ދޯ؟” ނީޝަން ނިކަން ހިނިއައިސްފައި ފޯނަށް ބަލަން އިންދާ،  ވިޝާމް އަހައިލިއެވެ. މީރާން އާއި އިރަމްއަށް އެކަކު އަނެއްކަކަށް ބަލައިލެވުނެވެ.

“މްމްމް.. ދެޓްސް ވައި ވީ ކޭމް ހިޔާރ” ނީޝަން ބުނެލީ ނިކަން ހަމަޖެހިލާފައެވެ. މީރަންއަށް ލޯމަރާލެވުނެވެ. ދެވަނަ ސިކުންތުގައި މޭޒު ދޮށުން ފައި ގެންގޮސް ނީޝަންގެ ފަޔަށް ހަމަލައެއް ދިނެވެ. ނީޝަން ލޯ އަޅާލާފައި ވެސް އެކަމަކަށް ސަމާލުކަމެއް ނުދިނެވެ.

“ވަޓް؟ މިއަދު އެހާ ބިޒީ އިރުގަ މިތަނައް ތި ގެނައީ ކީއްކުރާށޭ؟” އިރަމްއަށް އެހުނެވެ.

“އިރޫ.. އެއް ރޫމެއްގަ ، އެއްގޭ ތެރޭގަ އުޅޭ އިރު ހަމަ އެކައްޗެއް ވެސް ނޭނގޭ؟ ލައިކް ހިންޓް އެއް ވެސް ނުލިބޭ؟” ވިޝާމްއަށް ވެސް އެހުނެވެ. އެހާ ދުވަސް ވީމަ އޭނާ ހީކުރީ ހީއެއް ނަމަވެސް އޮންނާނީ ވެފައިކަމެވެ. އޭނާ އަޑުއަހާފައި އޮތް ގޮތުން އަމީރާއާއި އިރަމްގެ ދެމެދުގައި އޮންނަނީ ވަރުގަދަ ގުޅުމެކެވެ. ގޭތެރެއިން މީހަކަށް ނޭނގުނު ނަމަވެސް އިރަމްއަށް ޝައްކެއް ވެސް ނުވާކަން އެނގުމުން ހައިރާންވިއެވެ. އިއްޔެގެ ކަންތައްގަނޑުގެ ހިލަމެއް ވެސް ހަމަ ނުވަނީ ހެއްޔެވެ.

“ތިގޭގަ އުޅޭ ގާލް ތަ؟ އެ ކުއްޖާ އެންޑް އިޔާން؟” އެހުރިޙާ އިރު އަޑުއަހަން އިނދެފައި އެމީހުންގެ މިޙާރު އެދައްކާ ވާހަކައިން، ހައިރާން ވެފައި ސަދަފް އަށް އެހުނެވެ. ނީޝަން ބޯޖަހައިލިއެވެ.

“ޔާހްހް.. އަޅެ ތި މީހުން ބުނެބަލަ ކިހިނެތްތަ މިވަނީ؟”

“ކުޑޫ ކީއްކުރަން ތި އެހީ .. އެވާހަކަ ދެއްކީމަ ވެސް ގަބޫލް ނުކުރާށޭނު ހުރީ” ނީޝާން އަނެއްކާ ވެސް އިރަމްއަށް ލޯ އަޅާލިއެވެ. އިރަމް ކުރާ އެއްވެސް ސުވާލަކަށް ނީޝަން ޖަވާބެއް ނުދެއެވެ. އިރަމް އިނީ އެކަމާއި ރުޅި ގަދަވެފައެވެ.

“ޑޭމްމް ޔޫ އާރ ޓޫ އިނޮސެންޓް މައި ބޭބީ ކުޑޫ” އިރަމްއަށް ވެފައި އިން ގޮތުން މީރާންއަށް އޭނާގެ ކޮލުގައި ހިފާލެވުނެވެ. އޭނާއަށް އެއްވެސް ކަމެއް ނޭނގޭތީ މީރާންއަށް ވެސް ދެވުނީ ޝަކުވާގެ ނަޒަރެކެވެ.

“ސޯ ކަމެއް ކުރަން ދޯ ތިއުޅެނީ؟ ތި ކަމުގަ ބޭބެ ވެސް ބައިވެރި ކުރުވައްޗޭ.. ދޮންބެ އެއުޅޭ ގޮތުން އަހަންނަކަށް ވެސް ލޮލު ފިޔައެއް ޖެހެނީއެއް ނޫނޭ.. މަތިމަރުވެފަ ހުންނަ ގޮތުން ދެރަ ވެސް ވޭ”

“ސޯ ވިޝާމްބެ އަށް އެނގޭ ދޯ ދޮންބެ މިހާރު އެ ޖައްސާ ސްޓަންޓް؟ މިބުނީ ދައްތަ ރޮނިކޮން އަދި ދުވަހަކު ވެސްސް ނުދެކެން..މަންމަ ކައިރީގަ އާމީ ދައްތަ ބުނި ކަމައްވޭ ދައްތަ ވަރަށް ރުއި ވާހަކަ” މިފަހަރު ސުވާލް ކުރީ މީރާންއެވެ. އެސުވާލާއި އެކު އިރަމްއާއި ނީޝަން ވެސް އިންތިޒާރުކުރީ ވިޝާމްގެ ޖަވާބަކަށެވެ.

“ޔާހްހް އެމީ ވަރަށް ރޮވުނު.. އަހަންނަށް ފެނުނު އިރު ނޭފަތުން އެވަރަށް ލޭ ވެސް އައިސް ހުރީ” އަދިވެސް އަމީރާ ހުރިގޮތް ސިފަވުމުން ވިޝާމްއަށް ނުބައި އަސަރެއް ކުރެއެވެ. އެކުރެވޭ ގާތް އިހްސާސްއިން އެކުއްޖާއަށް ގެއްލުމެއް ލިބޭކަށް ނޭދެވެއެވެ. މީހަކު ކައިރީގައި ނުބުނި ނަމަވެސް އެރޭ އެންމެ ލޮލުފިޔައެއް ވެސް އޭނާ ނުޖަހައެވެ. އަމީރާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނުތަކާއި އެކު ނޭފަތުން ލޭ އައި މަންޒަރު ސިފަވަނީއެވެ.

އެހާ ހިސާބަށް ކަންތައް ގޮސްފައިވުމުން ވިޝާމް ނިންމީ އެމީހުން ބައިވެރިކޮށްގެން ނަމަވެސް އިޔާންއާއި އަމީރާ ގުޅުވުމުގެ މަސައްކަތްކުރާށެވެ. އެނޫންނަމަ އޭނާ ނަފްސަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ގޭތެރެއިން ކުރަންވާ ކިތަންމެ ކަމެއް އެމީހުން ލައްވާ ކުރެވޭނެތާއެވެ. އެދެމެދުގައި ހިނގި ހުރިހާ ކަމެއް އަކުރުން އަކުރަށް ނުކިޔައި ދިނަސް ކޮންމެވެސް ވަރެއް ކޮށްލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެވުނެވެ. އޭނަ ބަލައިލީ ސަދަފްގެ މޫނަށެވެ. ކުރިން ކަމެއް ހިނގާފައި އޮތް ނަމަވެސް މިހާރު އިޔާންއަށް ދެރައެއް ނުދޭނެކަން އޭނާއަށް އެނގެއެވެ.

“އެމީ އާއި އިޔާ އެކަކު އަނެއްކަކު ދަންނަނީ މިއަދަކު ނޫން.. ރިމެމްބާރ ޓޫ އިޔާރޒް އެގޯ؟”

” އައި ނިއު އިޓް!.. އައި ނިއު އިޓް!.. ދޮންބެ އެވަރަށް ސްޕެއިން އަށް ދިޔައީ މިހެންވެ ދޯ.. ވޯޙްހްހް” ވިޝާމްގެ އެންމެ ފުރަތަމަ ޖުމްލައާއި އެކުވެސް މީރަންއަކަށް މަޑަކުން ނީނދެވުނެވެ.

އިރަމްއަށް ވެފައި އިންގޮތުން އެންމެންނަށް ހެވުނެވެ. ދެލޯ ބޮޑުވެ އަނގަނަގައިގެން އިން އިރު އެއިން ކަމަކާއި މެދު ކުޑަކޮން ވެސް އެއްޗެއް ހީވެފައި ނުވާކަން ހާމަވެއެވެ.

“މިހުރީ ބެސްޓް ފްރެންޑްއަށް ވީވަރު.. ޕިސް ޕިސް.. ކިހާ ދެރަކަމެއް ކުޑޫ” ނީޝަން ދެފަރާތައް ބޯ ހޫރުވާލިއެވެ. ލިބިފައިވާ ހައިރާން ކަމުން އެތަނުގައި ސަދަފް އިން ކަމެއް ވެސް އޭނާއަށް ނޭނގޭ ކަހަލައެވެ. އަނގަހުޅުވުނު ގޮތައް ނުވެސް ލެއްޕުނެވެ.

” މިވަރުވެފަ އޮތް ކަމެއް މަށަކަށް ނޭނގެއޭ.. ވިޝާމްބެ..އަހަރެމެން ދެމީހުން އެކަނި އެބަޖެހޭ ކޮފީއަކަށް އަރަން… އިނގިއްޔެއްގަ ހިންޏެއް ދަތް އެޅިއަސް އަހަރެން އެބަ އެމީ ގާތުގަ ބުނަން.. އެކަމަކު ތިހާ ބޮޑުކަމެއް ވެގެންދާއިރު އަހަރެން ކައިރީގަ ބުނެވެސް ނުލައޭ” އިރަމް ތުންދަމާލި އިރު އަމީރާ ކަމެއް ހިއްސާ ނުކުރުމުން ދެރަވިއެވެ. ނަމަވެސް އޭނާއަށް ވީނަމަވެސް ވާނީ އެކަހަކަ ގޮތެއް ކަންނޭގެއެވެ. އެންމެ ގާތް އެކުވެރިޔާގެ ބޭބެގެ ވާހަކަ ބުނަން އެހާ ފަސޭހައެއް ނުޥާނެތާއެވެ.

“ވީ ޝުޑް ގޯ ޔެސް”  ވިޝާމް ބޯހަޖައިލިއެވެ. މީރާން އެދުނީ ފަހުން އެދެމީހުންނަށް ވީ ކިހިނެތްތޯއެވެ. ވިޝާމް ވިސްނާލިއެވެ. ނީޝަން އިނުމުން ކުޑަކޮން ވިޔަސް އެ ވާހަކަ ދައްކަން އޭނާ ފަސްޖެހުނީއެވެ. އެއުމުރުގެ ކުއްޖެއްގެ ގާތުގައި ދައްކަން އެއީ އެންމެ އެކަށޭނަ ވާހަކަ ތަކެއް ނޫނެވެ. ވިޝާމް ލޮލުން އިޝާރާތް ކޮށްލާފައި ނީޝަން ދައްކާލުމުން މީރާންއަށް ވިސްނުނެވެ.

” ސޯ އެބަޖެހޭ ކަމެއް ކުރަން”

“ކަމަކާއި ވިސްނޭނީވެސް ހައިރާންކަން ފިލީމަ” އިރަމް އަދިވެސް އިނީ އެފަދަ ހާލެއްގައެވެ.

“ސާބަސް ކުޑޫ.. ސިކުނޑީގަ ތެތްކަމެއް ނުހުރެއޭ.. ނީޝް އެބައަންނަން ވޮޝް ރޫމަށް ގޮސްފަ” އޭނާގެ ފޯނު މޭޒުމަތީގައި ބާއްވާފައި އިންތަނުން ތެދުވެގެން ގޮސްފިއެވެ.

” އައި ނޯ ދެއާރ އާރ އަ ލޮޓްސް އޮފް ތިންގްސް ދެޓް ޔޫ ހެވެންޓް ޓެލް އަސް..  ސޯ ލެޓްސް މީޓް.. ތި ޥާހަކަތައް އެނގުނީމަ ނީޝް އެބަޖެހޭ ބައިވެރިކުރަން .. އޭނަ ބޯ ރަނގަޅުވާނެ އެންމެންނަށް ވުރެން.. އަހަރެމެން އެކަކަށް ވެސް ނޭނގުނު ކަމެއް ވިއްޔަ އެ ހޯދާލީ”  ނީޝަން ދިޔަ ދިމާލަށް ބަލައިލަމުން އިރަމް ދެން ބަލައިލީ ވިޝާމްއާއި ދިމާލަށެވެ. ވިޝާމް ބޯޖަހައިލަމުން ބައްދަލް ކޮށްލަންވީ ތަނެއް މެސެޖް ކޮށްލާނެ ވާހަކަ ބުންޏެވެ. އެނބުރި ނީޝަން އަންނަ ތަން ފެނުމުން އިރަމް ވެސް ވަކި އެއްޗެއް ނުބުންޏެވެ. ފޯނަށް މެސެޖެއް އައި އަޑު އަހާފައި އިރަމްއަށް ބަލައިލެވުނީ ސަދަފްގެ މޫނަށެވެ. އޭނަ އިސްޖަހާލައިގެން އިން ގޮތުން އިރަމްއަށް ފޯނު ހުޅުވާލެވުނެވެ.

“އާފްޓާރ ދި ސެލެބްރޭޝާން.. ކެން އައި ސްޓީލް އަ ފިއު މިނެޓްސް ވިތް ޔޫ؟ ޖަސްޓް ޔޫ..” މެސެޖް ކިޔާލެވުނު އިރު އިރަމްގެ މޫނުމަތީގައި އިހު ހުރި ކުލަވަރު ބަދަލްވެގެން ދިޔައީ ސިކުންތެއްގެ ތެރޭގައެވެ. އިރަމްއަށް ޖަވާބުގައި ލިޔާނެ އެއްޗެއް ނޭނގުނެވެ. ނިތްކުރި މައްޗަށް އަތްތިލަ ހުރަސް ކޮށްލައިގެން އިން އިރު، އިނގިލި ތަކުގެ ދޭތެރެއިން ސަދަފްގެ މޫނަށް ސިއްރު ނަޒަރެއް ދެވުނެވެ.

“ޔޫ އާރ ބްލަޝިންގް.. ޑޯންޓް ހާރޓް ޔޯރ ލިޕްސް” ދެވަނަ މެސެޖްއައެވެ. އިރަމް ފޯނަށް ބަލަހައްޓައިގެން އިން ގޮތުން ސަދަފް ހިނިއައިސް އިނެވެ. އެ މޫނަށް ވެރިވެގެން އައި ރަތްކަން ފުނވިތަން އޭނާ ދެކުނެވެ. އެންމެ ރަނގަޅު ކަމަށް ބުނެ އިރަމް ޖަވާބު ދިނެވެ.

“ކުޑޫ ހާދަ ހިންޏެއް އައިސް”

“މްމްމް ނަތިންގ” މީޜަން ސުވާލް ކޮށްލުމުން ހިނިތުންވުން ފުޅާ ކޮށްލިއެވެ.  ކޮފީއަށް ފަހު އިރަމްއާއި ނީޝަން އަދި މީރާންގެއަށް ދިޔުމަށް ނުކުތީ އިރުކޮޅެއް ވަންދެން އެމީހުންނާއި ވާހަކަ ދެއްކުމަށް ތިބެފައެވެ.

****

ގަލޮޅު ‘މާވިނަ’ ގެއަށް ހީވީ އީދެއް އައިސްފައި ވާހެންނެވެ. ޒަންޔާއާއި ވިޝާމް ކައިވެންޏާއި ބެހޭގޮތުން ހައިކަލްއާއި ޒާހިރްއާއި ދެމުދު ދެކެވުނު ޥާހަކަތައް ޒާހިރް އާއިލާއަށް ހިއްސާކުރީއެވެ. ދެ އާއިލާގެ ބައްދަލްވުން މާދަމާ ރޭ އޮންނާތީ މިހާ އިރުންސުރެން ލައިލާ ދިޔައީ އެކަމަށް ތައްޔާރު ވަމުންނެވެ. ގޭގައި ގެންގުޅޭ މީހުންގެ މޫނުމަތިންވެސް ހިނިތުންވުން ނުފިލައެވެ.

“ދަރިފުޅާ.. ޒަން.. ޒަން” ހަލުވި ހިނގުމުގައި ޒަންޔާގެ ކޮޓަރިއަށް ލައިލާ ވަތްއިރު ، ހިނިއައިސްފައި ހުރި ވަރުން ހުރިހާ ދަތެއް ފެންނަމުން ދިޔައެވެ. ޒާހިރްވެސް ފަހަތުގައި ހުރި އިރު ލައިލާ އުޅެމުން ދިޔަގޮތުން ހެވުނެވެ. އެނދުމަތީގައި ބަންޑުން ޒަންޔާ އޮތެވެ.

“ދަރިފުޅާ..ސޯނަމް ގެނައި ހެދުން ހެޔޮވަރު ތޯ ބެލިންތަ…އެހެދުން އިނގޭ ލާނީ” ސޯނަމްއަކީ ގޭގައި ގެންގުޅޭ، އިންޑިއާއަށް ނިސްބަތްވާ ނޯކަރެކެވެ. ޒަންޔާ ދެކޮޅު ހެދުމެއް ނެތި ބޯ ޖަހައިލިއެވެ. ނަމަވެސް ދެލޮލުގެ އެސްފިޔަތަކުގައިވާ ތެތްކަމުން ދާދި ދެންމެއަކު ވެސް ރޮއެފައި ހުރިކަން ހާމަވެއެވެ. އެ މަންޒަރު ފެނި ލައިލާގެ ހިނިތުންވުން ފަނޑުވިއެވެ. ލައިލާއަށް ބަލައިލެވުނީ ޒާހިރްގެ މޫނަށެވެ.

“ދަރިފުޅާ ތެދުވެބަލަ” ޒަންޔާގެ އަތުގައި ހިފައި ކޮޅަށް ނެގުމަށް ޒާހިރް އުޅުމުން ދެކޮޅު ނުހަދާ ތެދުވިއެވެ.

“ހަމަ ހީވަނީ ޗާބީ ދީފަ އިން ބުދެއްހެން.. މަންމަ ބުނިއްޔާ ބުނި ކަމެއް!.. ބައްޕަ ބުނިއްޔާ ބުނި ކަމެއް!.. ދަރިފުޅު އަމިއްލަ ޑިޒިޝަންތައް ވެސް ހިއްސާ ކޮށްލަބަލަ.. މާދަމާ ރޭ ހައިކަލް މެން ގެޔަށް ދާއިރު ތިހާ މަޑުން ނުހުންނަށްޗޭ ..އެދެމަފިރިން ވަރަށް ރަނގަޅުވާނެ.. ޒަން..ތި ދެކުދިން ވެސް ކައިވެންޏަށް އެއްބަސްވެ މުޅިން އާ ދިރިއުޅުމަކާއި ގެން ކުރިއަށް ދާން ގަސްތު ކުރާއިރު އެކުވެރިވެސް ވާންވާނެ އެންނު.. ވާހަކަ ދައްކައްޗޭ ވިޝާމްއާއި.. ވަރަށް ރަނގަޅު ކުއްޖެއް އެއީ . ދަރިފުޅަށް ހަމަ ޖަވާހިރެއް ތި ލިބެނީ.. މާޝާﷲ…” ޒާހިރްގެ ވާހަކަ ތަކުން ޒަންޔާއަކަށް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ނަމަވެސް ހިތާއި ދެކޮޅަށް ބޯޖަހައިލިއެވެ. ފެންނަ ރަނގަޅު މީހަކާއި ކައިވެނި ހަމަޖެއްސި ނަމަވެސް އެންމެ ރަނގަޅު ކަމަށް، ޒާހިރްގެ ގާތުގައި ބުނީ ޒަންޔާ އަމިއްލަ އަށެވެ. ވީ އިރު ކައިވެނި ހަމަޖެހުމުން އެކަމާއި ދެރަވުމުގެ މާނައެއް ވެސް ނެތެވެ.

ޒާހިރްއަށް ލައިލާ ލޮލުން ކުރި އިޝާރާތް ނަގައިގަނެވުނީ ކަންނޭގެއެވެ. ޒަންޔާގެ ބޮލުގައި ފިރުމާލަމުން ނުކުމެގެން ދިޔައެވެ. ލައިލާ ބޭނުންވީ ޒަންޔާއާއި ވަކިން ވާހަކަ ދައްކާލާށޭވެ.

”ދަރިފުޅާ އާދެބަލަ މަންމައާއި އެއްކޮން”

“ނޫން .. އައި ޕްރިފާރ ހިއާރ” ލައލާ އުޅުނީ ޒަންޔާ ގޮވައިގެން ބޭރަށް ނުކުމެލާށެވެ. ނަމަވެސް އިސްޖެހިފައި އިނދެ އިންކާރުކޮށްލިއެވެ. ލައިލާ އެކަމަކަށް، ފަރުވާލެއް ނުބަހައްޓާ، ޒަންޔާ ދެކޮޅު ހަދަނިކޮން ވެސް ގޭގެ ގޯތި ތެރެއަށް ނުކުތެވެ. ޒަންޔާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ގެއިން ބޭރަށް ނުކުމެލެވޭލެއް މަދުކަމުން، ދުނިޔެ މައްޗަށް ޖެހޭ ވައިރޯޅިއެއްގެ އިޙްސާސްވެސް އޭނާއަށް ކުރެވެނީ ނުހަނު މަދުފަހަރެއްގައެވެ. ބޭރު ތެރޭގައި ވަނީ ފިނިހިފާލައި ފައެވެ. ވާރޭ ފެނުގެ އަސަރު ގަސްތަކުގެ ކުރިތަކުން ފެނެއެވެ.

ތަފާތު މާމެލާއިމެލީގެ ގަސްގަހުން ފުރާލެވިފައި ވާއިރު، ގަސްތަކުގެ މެދުގައިވާ ހެއްލާ އުނދޯންޏެއް އިނެވެ. ދެމީހުން އިށީންދެލީ އުނދޯލީގައެވެ. ލައިލާއަށް ޒަންޔާގެ މޫނަށް ދެވިފައިޥާ ނަޒަރާއި އެކު ވެސް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. މޮޅިވެރިކަން ނޫން އިތުރު އަސަރެއް ޒަންޔާގެ ކިބަޔަކުން ނުފެނެއެވެ. ދޮން ހަންގަނޑައް މިހާރު އަރަނީ ހުދުކުލައެވެ. ދިގު އިސްތަށިގަނޑުވެސް އުނގަނޑުން މާ ބޮނޑަށް ތިރިއަށް އޮތެވެ. ޒަންޔާ އަކީ ކޮނޑުން ތިރިއަށް ކިރިއާ އިސްތަށިގަނޑު ފޯރި ނަމަވެސް ކޮށާލާ ކުއްޖެކެވެ. މާ ބޮޑަށް ދިގުވީމަ އުނދަގޫ ވާތީވެ އެކަމަށް ހާއްސަ ސަމާލުކަމެއް އަބަދުވެސް ބަހައްޓައެވެ. ނަމަވެސް މިޙާރު މިފެންނަނީ މުޅިން ތަފާތު ޒަންޔާއެކެވެ. އެ ސަކަކަން އެންމެ ފަހުން ލައިލާ ދުށީ މީގެ އެތައް މައްސަރެއް ކުރިންނެވެ.

“ލިއޯ ގުޅި ދެދުވަހެއް ކުރިން” މިލާ މޯލިވެފައި އިން ކުއްޖާ ސިހިފައި ލައިލާއަށް ބަލައިލިއެވެ.

“ބުނި ހޯދި ހޯދުމުން އެމީ ރާއްޖެ އައިކަން އެނގުނު ވާހަކަ.. އެކަމަކު މަންމަ ބުނިން ހޫގޯއަށް ހަބަރު ނުދޭށޭ އަދި އެމީ ހުރިތަނެއް އަހަރެމެންނަށް ނޭނގެނީސް.. ހައިކަލްބޭ މެންގެއަށް ގޮސް ކައިވެނީގެ ކަންތައް ހަމައަކަށް އަޅުވާލާފަ ހޯދަން ފަށަން އެ މަޑުކުރަނީ.. އެކަމުގަ ހައިކަލް ބޭބެގެ އެހީވެސް ލިބޭނެ ކަމަށް ބަލަން ވާނީ ދޯ.. ސަބަބަކީ ބޭބެގެ އެޖެންޓުންވެސް އެކިތަންތާގަ އުޅޭނެ..އޭގެން ބަޔަކާއި ވެސް ހަވާލު ކޮށްގެން އެކަން ވޭތޯ ބައްޕަ އެ މަސައްކަތް ކުރަނީ”

“ވަޓް އެބައުޓް މާކިން؟” އަމީރާ ރާއްޖެ އައި ހަބަރު ލިބުނު ހިނދު ޒަންޔާއަށް ލިބުނު އުފާވެރިކަމުން ދެލޯ ފެންކަޅިވެގެން ދިޔައެވެ. ނަމަވެސް ލައިލާގެ މޫނުމަތީގެ ކުލަވަރުން  މާކިންގެ ހަބަރެއް އަދިވެސް ނުލިބޭކަން އެނގުމުން ކަރުނުތައް ނުހިފެހެއްޓުނެވެ.

“ދަރިފުޅާ ހުއްޓާލަބަލަ.. މިވެސް ހާދަ ބޮޑު ވަރެކޭ.. މާކް އާއި މެދު މިވަގުތު ނުވިސްނަމާ.. މާކް ސޭފް ވާނެ.. ދަރިފުޅާ އެމީއަށް ސަލާމަތުން ރާއްޖެ އާދެވުނުކަން ވެސް ނަސީބެއް.. މަންމަގެ ހިތްއެބަ ބުނޭ އެމީ ފެންނާނެއޭ.. ނުރޮވެ ހުއްޓާލާ”

“ލިއޯއަށް ވެސް އެމީ ހުރިތަނެއް އެނގޭނީ ހޫގޯގެ މީހުން މެދުވެރިވެގެންނު.. ހީވޭތަ އެމީ ރާއްޖެއައި ހަބަރު ލިބިގެން އޭނާ ނައިސް ހުންނާނެހެން.. އަހަރެމެންނަށް ވުރެން ކުރިން އޭނައަށް އެމީ ފެނިއްޖެއްޔާ ޔޯ؟..ޖިނާން އާހްހްހް” ބޯ ހާސްވެފައިވާ ފަދަގޮތަކަށް ބޮލުގައި އަތް އަޅާއިގެން އިނދެ ޒަންޔާ ރޮމުން ދިޔައެވެ. ލައިލާގެ ދެލޮލުން ވެސް ކަރުނު ހިލިގަތެވެ. އޭނާ ވެސް ބިރު ހީވެފައި ހުރީ އެކަމާއިއެވެ. ނަމަވެސް ރާއްޖެއަށް ވެފައި ޖިނާން ފަދަ މީހަކަށް މިތަނުގައި އެކަހަލަ ކަމެއް ކުރަން އުނދަގޫ ވާނެއެވެ.

“ޕޮޒިޓިވް ކޮން ވިސްނަން ހިނގާބަލަ ދަރިފުޅާ.. އެ ސްޕެއިން.. ސްޕެއިންއަކީ އެމީހުންގެ އަމިއްލަ ގައުމަށް ވެފައި، އެތަނުގެ ސަރުކާރުގެ އެހީ ހޫގޯ ފަދަ ބޮޑު މާފިއާ ލީޑާރ އަކަށް ހޯދުމަށް ފަސޭހަވިޔަސް، މިތާގަ އެކަހަލަ ކަމެއް ނުކުރެވޭނެ އެހާ ފަސޭހައަކުން..  މީރާއްޖެ.. ދަރިފުޅު ބައްޕައަކީ ނަން ހިނގާ މީހެއް.. ދެން ހައިކަލްމެންނަކީ އެއަށް ވުރެން ބާރުވެރިން.. އެމީހުންވެސް އެހީވާނެ ޒާހިރްއަށް.. ހާސްވަނެކަމެއް ނެތޭ” ލައިލާ ކިތަންމެ ވިސްނައިދޭން މަސައްކަތް ކުރި ނަމަވެސް، ޒަންޔާއަށް އެ ކަންތަކުގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. މާކިންއަށް ކަމެއް ނުކުރާނެހެން ކިތަންމެ ހީވި ނަމަވެސް، އަމީރާ ރާއްޖެއައުމުން އެކަމާއި ރުޅި އައިސްގެން މާކިންއަށް ގޮތެއް ހަދާވެސް ފާނެއެވެ. ހޫގޯގެ ގޮތެއް ނޭނގޭނެއެވެ. އެހެން މީހަކަށް ނޭނގުނު ނަމަވެސް މާކިންއާއި މެދު ޒަންޔާއަށް ވިސްނޭގޮތް އެނގޭނީ އޭނާއަށް ތާއެވެ. ހަނދާން ވީ ނަމަވެސް ހީވަނީ ހިތުގައި ރިއްސާހެންނެވެ.

****

އަމީރާ ގެއަށް އައީ ލައިބާ އަދި ސައިމަންއާއި އެކު ކާރުގައެވެ. ސައިކަލްގައި އަންނަން ބުނެފައި ވެސް ލިބިފައި ހުރި ސާމާނުތައް ގިނަކަމުން އެކަން ވާ ގޮތެއް ނުވިއެވެ. އެޕާރޓްމަންޓްގެ ދޮރާއި ހަމައަށް އެއްޗިހިތައް ގެނެސްދީފައި އެމީހުން ދިޔުމުން ފަހަރަކު ބައެއް އޭނާގެ ކޮޓަރިއަށް ވައްދަމުން ދިޔައެވެ. ހުރިހާ އެއްޗެއް ލެވުމުން ސޯފާގައި ޖައްސާލިއެވެ. މުޅި ގޭތެރެ ހަމަހިމޭން ކޮން އޮތް އިރު ފޯނުން ގަޑިއަށް ބަލައިލިއެވެ.

“ކޮބާބަ އެންމެން؟.. އިރޫ ވެސް ތާކަށް ދިޔައީބަ” އަށެއް ޖަހާ ބޮޑުވި އިރުވެސް އިރަމްގެ ހިލަމެއް ނުވިއެވެ. އެގޮތުގައި އިންނަތާގައި އިރުކޮޅެއް ފަހުން ދޮރު ހުޅުވާލާފައި އިރަމް ވަދެއްޖެއެވެ.

“ސޮރީ ޑާލިންގ.. ހިނގާބަލަ މަންމަ ބުނެގެން އެއްޗެއް ބަލައޭ މިއައީ.. ޔޫވީ އައިސްގެން ނުދާންވެގެން އިނީމަ” ބަދިގެއަށް ވަދެފައި އިރަމް އައީ ކުޑަ ކަރުދާސް ކޮތަޅެއް ހިފައިގެންނެވެ.

“ޔެސް.. ތީ ކޯއްޗެއް”

“މީ ޔޫވީ އެ ހޯދާ އެތި” އިރަމް ޒާތަކަށް ހީލައިގެން ހުރެ، އަމީރާގެ އަތުގައި ހިފައިގެން މައްޗަށް އަރައިފިއެވެ. ސިޑިއަށް އަރައިގެން ޓެރެހުގެ ދޮރުހުޅުވާލާފައި، އިރަމް މަޑުކޮށް އަމީރާ ވެއްދިއެވެ.  އެތެރެއަށް ވަތް އިރު އެންމެން އެއްފަހަރާ އަޑުގަދަ ކޮށްލުމުން އަމީރާ ދިޔައީ ސިހިގެންނެވެ.

” ހެޕީ ބާރތް ޑޭ” އެންމެން އެއްއަޑުން ގޮވާލިއެވެ. ގޭގެ ހުރިހާ އެންމެން އަދި އާމިލާއާއި ހައިކަލް ވެސް އެތަނުން ފެނުމުން އަމީރާ ހައިރާންވިއެވެ. ސަބަބެއް ނޭނގުނު ނަމަވެސް، އެހެން އެންމެންނަށް ވުރެން ވެސް ބޮޑަށް އެމީހުން ފެނުމުން އޭނާ އުފާވިއެވެ.

“އަޅޭ  އަނަދާރ ސަޕްރާއީޒް؟ ވޯހްހް ސޯ ޕްރިޓީ.. ވަރަށް ބޮޑަށް ތޭންކިއު” އަނގަމަތީގައި އަތް އަޅައިގެން ހުރެ އަމީރާއަށް ބުނެވުނެވެ. އެންމެންނަށް ވުރެން ކުރިން ކުޑަ ކުޑަ ޕާރްސަލެއް ހިފައިގެން ރީއާ ދުވެލާފައި އައިސް އޮޅުލައިގަތެވެ. “އޯވްވް މައި ކިއުޓް ކިއޫޓް އޭންޖަލް.. ތޭންކިއު ސޯ މަޗް” ރީއާގެ ކޮލުގައި އަމީރާ ނިކަން ލޯބިން ބޮސްދިނެވެ.

“އަދި ނިމުނީއެއް ނޫން.. އިޔާ އެބައިން ގާރލްފްރެންޑް ގޮވައިގެން އައިސް..” ލިބިފައިވާ ހުރިހާ އުފާވެރިކަމެއް އެކުއެކީގައި ފަނޑުވެލަން ފަޅި ސިކުންތެއް ވެސް ނުނެގިއެވެ. ހީވީ ހިތުގައި ހިފާ ފިތާލިހެންނެވެ.

****

(ނުނިމޭ)

 

 

ކިޔުންތެރިންގެ ހިޔާލު