“އާރ ޔޫ އައުޓް އޮފް ޔޯ މައިންޑް” ދަތްތަކަށް ބާރުކޮށްލައިގެން ހުރެ އަރްކާން ބުނެލިއިރު އޭނާ ގާތައް ރުޅި އަންނަގޮތް ވިއެވެ. ލިއާނާ މޮޔަވީހެއްޔެވެ. ލިއާނާގެ ހަނދާނުން ފަސް އަހަރު ކުރީގެ ހަނދާންތައް އެކީ ފިލައި ދިޔައީ ހެއްޔެވެ.
***
އިސްޖަހައިގެން ހުރިއިރު ލިއާނާ ހުރީ އަރްކާންއާއި ހަތަރު ކަޅި ހަމަކުރަން ނުކެރިފައެވެ. މާޒީގައި އަރްކާންއަށް ހެދުނު ހަމައެކަނި ގޯހުގެ ވާހަކަ ތާއަބަދު ހުއްޓުމެއްނެތި އޭނާ ދައްކަމުން ދާއިރު އޭނާއަށް ވެސް ވަކި ކަންތައް އެ ކުރެވެނީ އެންމެ ރަނގަޅަށް ބާއޭ ހިތައް އެރިއެވެ. ސާމިއު އަކީ ޒެވިއަލްގެ އެންމެ ބޮޑު ދުޝްމަނެވެ. އަރްކާންއަށް ވުރެން ސާމިއު ދެކެ ޒެވިއަލް އަންނަ ރުޅި ގަދަފަދަކަން ލިއާނާ ވެސް ދަނެއެވެ. ޒެވިއަލްގެ ދުޝްމަނާއި ޒެވިއަލްގެ ކޮއްކޮއަށް ވެ ހުރެ ގުޅުން ބޭއްވުމަކީ ވެސް ރަނގަޅު ގޮތެއް ނޫންކަން ލިއާނާއަށް އެނގެއެވެ. ނަމަވެސް ސާމިއު ވެސް ވަނި އޭނައަށް ނުހަނު ބޮޑު އިހްސާންތެރިކަމެއް ވެދީފައެވެ. އޭގެ ބަދަލަކަށް ސާމިއު އެދުނީ އެމީހުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމެވެ. އަދި ޒެވިއަލްގެ މާފް ހޯދަން އެހީވެދިނުމަށެވެ.
“އަރްކާން..އައި ކެން އެކްސްޕްލެއިން..ޖަސްޓް ވެއިޓް..” ލިއާނާ ހިނގައިގަތީ ދުރުގައި ހުރި ސާމިއުގެ ގާތަށެވެ. ލިއާނާ ދިޔަތަން ބަލަން ހުރެފައި އަރްކާން ދެލޯ މަރާލައިގެން ހުރެ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ލިއާނާގެ ސަބަބުން ހިތުގެ ކަނެއްގައި ފަސްއަޅާ ފޮރުވާފައި ބޭއްވި މާޒީގެ ހަނދާންތައް ހިލިގަތެވެ. ޒެވިއަލްއާއި އެކު އުޅުނު އުފާވެރި ދުވަސްތައް ސިފަވިއެވެ. އަރްކާންގެ އަމިއްލަ ހިތުގެ ހާލަތު އެންމެނަށް ވަންހަނާ ކޮށްގެން ބޭރުފުށުން ނަފްރަތު ދެއްކިނަމަވެސް އެހިތުގައި ތާ އަބަދުމެ ވާ މޮޅިވެރިކަން އެދެލޮލުން ވެސް ސިފަވެއެވެ. ސާމިއު އަކީ ދުވަހެއްގެ ކޮޅުން ވެސް އޭނާ އިތުބާރުކުރާނެ މީހެއް ނޫނެވެ.
“ކަމް ވިތް މީ” ލިއާނާ އެނބުރި އައިސް ބުނެލި އަޑަށް އަރްކާން ދެލޯ ހުޅުވާލިއެވެ. އޭރު ސާމިއު ފެންނާކަށް ނެތެވެ. ލިއާނާގެ ފަހަތުން އަރްކާން ގޮސް ކޮޓަރިއަށް ވަނެވެ. ސޯފާއަށް އިޝާރާތް ކުރުމަށް ފަހު އިށީނުމަށް އަރްކާން ގާތު ބުނެ އޭނާ ވެސް އިށީނެވެ.
“ބުނަން އުޅޭ އެއްޗެއް ދުރު ދުރުން ނުބުނޭ…ޑައިރެކްޓްކޮން ބުނެފިއްޔާ ވަރަށް ރަނގަޅު” ލިއާނާ އާއި މާދުރު ނޫން ހިސާބެއްގައި އިށީންދެ އަރްކާން ބުނެލިއެވެ. ލިއާނާ ވަކި އެއްޗެއް ނުބުނެ ބޯޖަހައިލީއެވެ.
“މަންމައާއި ބައްޕަ ނިޔާވުމަށްފަހު އަހަންނާއި ދޮންބެ ތިގެއަށް ދިޔައީ..ދެން އޭގެ ދެވަނަ އަށް ވި ދުވަހު އަރްކާންގެ ސަބަބުން ދޮންބެ ޖެއިލްއަށް ގެންދެވުނީ.. ދެން އަހަރެން ގެންދިޔައީ ރައި މެން ގެޔަށް..ޝާފިއުބެ އާއި ރަމް ދައްތަ އަހަރެން ބެލީ ވަރަށް ލޯބިން…ދަރިއަކަށް ދޭނެހާ ޕްރޮޓެކްޝަން ވެސް ދިން…އެކަމަކު ކިތަންމެ ބަލައިގެން ގެންގުޅުނަސް ކަންކަން މެދުވެރިވަނީ ހީވެސް ނުކުރާހާ ގޮތަކަށް…ދޮންބެ ގެ ކަންތަކުގަ އަރްކާންހާ ނުބައި ނުވިއަސް ސަމްހައު ސާމިއު ވެސް އިންވޯލް ވާކަން އެނގޭތީ އައި ހޭޓް ހިމް އަލޮޓް… އެކަމަކު އަހަންނަށް ދިމާވި ހާދިސާއަށް ފަހު އަހަންނަށް އެހީތެރިކަން ލިބުނީ ސާމިއުގެ ފަރާތުން..ހާދިސާ އޭ މިހާ އީޒިކޮން ބުނެލިނަމަވެސް އެއި އަހަރެންގެ ލައިފްގަ އަހަންނަށް ކުރިމަތިވި އެންމެ އަނދިރި ހާދިސާ..އެ ދުވަހު ސާމިއު ނައި ނަމަ …އަހަރެން..އަހަރެން” ލިއާނާ ވާހަކަ ދައްކަމުން ގޮސް ހުއްޓުނީ އިތުރަށް ވާހަކަ ކުރިއަށް ގެންދެވޭނެ ހިތްވަރު ނެތުމުންނެވެ. އެކަންތައް ގަނޑުން އޭނައަށް އަރައިގަނެވިފައި އެވަނި ހާދަ މަސައްކަތަކުންނެވެ. އެއީ އޭނާގެ ހިތި މާޒީއެވެ. ޒެވިއަލްއަށް ވެސް އެނގިފައި ނުވާ ކަމެކެވެ. ރައިހާ އާއި ސާމިއު ނޫން އިތުރު މީހަކަށް އޭގެން އެއްވެސް ކަމެއް މިއަދާއި ހަމައަށް ވެސް ނޭނގޭނެއެވެ. ފަސްއަޅާ ފޮރުވައިގެން ގެންގުޅޭ ހިތި ހަގީގަތެވެ. ލިއާނާގެ ހަނދާނަށް އަލުން އެކަންކަން ކުލަވެގެން އަންނަމުން ދިޔައިރު ދެލޯ ކަރުނައިން ފުރުނެވެ.
“ދެން ކިހިނެތް ވީ…ކިހިނެތް ސާމިއު ގާތައް ދާން ޖެހުނީ..ލިއާނާއަށް ކިހިނެތް ވީ” ލިއާނާ ވާހަކަ ނުދައްކާ ގިނައިރުވާން ފެށުމުން އަރްކާން އަހައިލިއެވެ. ލިއާނާގެ މޫނަށް ވެރިވެގެން ދިޔަ ކުލަވަރުންކޮންމެ ވެސް ކަމެއް ލިޔާނާއަށް ބޮޑުކަމެއް ވެފައި ވާ ހެން އަރްކާންއަށް ހީވަމުންދިޔައެވެ.
“ސާމިއު ގާތައް..ދާން ޖެހުނީ..އޭރު..އޭރު” އިތުރަކަށް ކެތެއް ނުވިއެވެ. ލިއާނާއަށް ރޮވުނީއެވެ.
“ހޭއި..އިޓްސް އޯކޭ…ވެން ޔޫ ފީލް ބެޓާރ ސޭ އިޓް..އައި ކެން ވެއިޓް” ލިއާނާ ރޯތަން ފެނި އަރްކާންއަށް އުނދަގޫވިއެވެ. ލިއާނާގެ ކޯތާފަތްމަތީގައި ހަރުލާފައިވާ ފެންތިކިތައް ފުހެލަ ދޭން ހިތްލާލި އަތް ތިރިކޮށްލެވުނީ އެކަން އޭނާ އެކަން އެ ކުރަނީ ކޮން ހައިސިއްޔަތަކުން ބާވެއޭ ހީވެފައެވެ. އިރުކޮޅެއްފަހުން ލިއާނާ ހަމައަކަށް އެޅުނެވެ. ރުއިމުގެ އަޑު ކެނޑިފައިވީ ނަމަވެސް ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް މަދެއް ނުވެއެވެ. އެ މަންޒަރު ފެނި އަރްކާންގެ ތުންފަތުގައި ދައިގަނެވުނެވެ. އަރްކާން ލައިގެން ހުރި ޓްރައުޒާގެ ޖީބުގައި އޮތް ޓިޝޫ ޕެކެޓެއް ނެގުމަށްފަހު ލިއާނާއަށް ދިއްކޮށްލުމުން އޭގައި ހިފައި މޫނު ފުހެން ފެށިއެވެ.
“އަރްކާން..އަހަންނަށް އެނގޭ އަހަރެމެން ދެމީހުންނަކީ ވެސް ދެ ދުޝްމަނުން ކަން..އެކަމަކު ވެސް އަހަންނާއި ސާމިއުގެ ގުޅުން ދޮންބެއަށް ސިއްރު ކޮށްދީފާނަން ތަ.. އަހަންނަށް ސާމިއު އާއި ދިމާވި ގޮތް ބުނެދޭން ވަރަށް އުނދަގޫ..އެއީ ކިޔައިދޭން އެހާ ފަސޭހަ ކަމެއް ނޫން..ކޮންފޮޓަބަލްވީ އިރަކުން އައި ކެން ސޭ އެވްރީތިންގް.. އަމް ބެގިން ޔޫ” ލިއާނާގެ ދެލޮލުން ކަރުނަ ފުހެމުން ދިޔަނަމަވެސް ތާޒާ ކަރުނުތައް ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ. ދޭތެރެއަކުން ނޭފަތް ދަމާލަމުން ދިޔައިރު އެ މަންޒަރުން އަރްކާންއަށް ވަމުން ދިޔަ އުނދަގޫ ހައްތަހާ ވެސް ވީ އިތުރެވެ.
“ސްޓޮޕް ކްރައިން..އައި ވޯންޓް ސޭ އެނީތިންގް ޓް އެނީވަން” އަރްކާން ދޫ ކޮށްލީ ފިނި ނޭވާއެކެވެ. އޭނާއަށް ފުރަތަމަވެސް ވިސްނާލެވުނީ ޒެވިއަލް އަށް މިކަން އެނގިއްޖެނަމަ ވާނެގޮތަކާއި ދޭތެރޭގައެވެ. ޔަގީނުން ވެސް ރަނގަޅު ގޮތަކަށް ނުނިމޭނެއެވެ. ޒެވިއަލް އޭނާ ދެކެ އެހާ ރުޅި އަންނަ އިރު ވެސް އޭނާގެ ކައިރިއަށް ލިއާނާ ވަޒީފާއަށް ދާން ވެސް ހުއްދަ ދިނެވެ. ނަމަވެސް ސާމިއު އާއި ލިއާނާގެ ރަހްމަތްތެރިކަމުގެ ގުޅުމަކަށް ޒެވިއަލް ޖާގަ ނުދޭނެކަން މިއީ ދުވާލު ފަދައިން އަރްކާންއަށް ޔަގީނެވެ. ލިއާނާގެ ގާތު ފެންވަރާލައިގެން ޖައްސާލާށޭ ބުނެފައި ލާފައި ހުރި ޝޫޓު ބޭލުމަށްފަހު ގަމީސް މަތިން ކަޅުކުލައިގެ ލެދާރ ޖެކެޓެއް ލައިގެން އަރްކާން ބޭރަށް ނުކުތެވެ.
އަރްކާން ބޭރަށް ނުކުންތައް ބަލަން އިނދެފައި ތުވާލި ހިފައިގެން ލިއާނާ ފާހާނައަށް ވަނެވެ. ލައިގެން ހުރި އަންނައުނުތައް ގަޔާއި ވަކި ކޮށްލުމަށްފަހު ދޫކޮށްލި ރެއިން ޝަވަރުން އޮހެމުން ދިޔަ ފެންތިކިތަކަށް ހަށިގަނޑު ދޫކޮށްލިއެވެ. އެއިން އޮހެމުން ދިޔަ ފިނިފެންތަކުން ސިކުނޑިއަށް ތާޒާކަން ލިބުނުހެން ހީވިއެވެ. ނަމަވެސް ހިތުގައި ވި ރިހުމަކަށް ފަރުޥާއެއް ނުލިބުނެވެ. ލިއާނާގެ ލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނުތައް ހުއްޓުވާކަށް ވެސް މަސައްކަތެއް ނުކުރެވެ. ފާރުގައި ބުރަކަށި ޖެއްސިގޮތައް ހުރިދިމާލަށް ތިރިވެ ކަކުލުގައި ބޯ އެޅުނު ހިނދު ލިއާނާގެ ރުއިމުގެ އަޑު އަނގައިން ބޭރުވާން ފެށިއެވެ. މާޒީގެ ތެރެއަށް ފީނައިގަނެވުނީ ވެސް އެހެން އިންދައެވެ.
……….
އެއީ މީގެ ފަސް އަހަރުކުރިއެވެ. ޒާފިރް އާއި ޝާލިއާ ނިޔާވި އަހަރެވެ. އަދި ޒެވިއަލް އާއި އަރްކާންގެ ހަމަ ނުޖެހުން ހިނގި އަހަރުވެސް މެއެވެ. ސާމިއު އަކީ އަޒީޒްގެ ބިޒްނަސް ޕާރޓްނާރ ހަމްދީއަށް ބޮޑުބޭބެ ކިޔާ ޒުވާނެކެވެ. ރާއްޖެއިން ބޭރުގައި މައިންބަފައިންނާއި އެކު އުޅެމުން ދަނިކޮން ސާމިއުގެ މައިންބަފައިން ކާރު އެކްސިޑެންޓްއެއްގައި ނިޔާވުމުން ސާމިއު ރާއްޖެ ގެނައީ ހަމްދީއެވެ. ހަމްދީއާއި އަޒީޒްގެ އާއިލާއަކީ އެކަކު އަނެއްއަކަކު އާބައެއް ނޫނެވެ. އަރްކާން އާއި ސާމިއު ދިމާވީ ހަމްދީމެން ގެޔަށް ގޮސް އުޅުނު ދުވަހަކުއެވެ. އޭގެ ފަހުން ދެމީހުން އެކުވެރިންނަށް ވިއެވެ. އަރްކާންގެ ފަރާތުން ޒެވިއަލްއާއި ސާމިއު އެކުވެރި ވިއެވެ.
ކަންތައްތައް ބަދަލްވެގެން ދިޔައީ ޒާފިރްއާއި ޝާލިއާ ނިޔާވި ދުވަހަށް ފަހުއެވެ. ތޫނު އެއްޗަކުން ޒަހަމްކޮށް އަނިޔާވެރި ގޮތަކަށް ދެމަފިރިން މަޜާލެވުނު ހަބަރު އިވިގެން ދިޔައީ މުޅި ރާއްޖެ ސިއްސުވާލާފައެވެ. ދެމަފިރިން ހަމަލާދިން ދެ އަނިޔާވެރިން ހަމަ އެދުވަހު ހައްޔަރުކުރެވުނެވެ. ޒެވިއަލްއާއި ލިއާނާއަށް ލިބުނީ ބަރުދާސްތުކުރަން ދަތި ހިތާމައެކެވެ. އެހުރިހާ ވަގުތަކު އަޒީޒްއާއި ދިނާޔާ އަދި އަރްކާން ތިބީ ޒެވިއަލް އާއި ލިއާނާގެ ހިދުމަތުގަ އެވެ. އެދުވަހުން ދުވަހަށް ދެބެން އަޒީޒްމެން ދެމަފިރިންނާއި ކުދިން ދިރިއުޅެމުންދާ ހެންވޭރު “ކޯޒީ” ގެޔަށް ގެންދިޔައެވެ.
ޖެހިގެންއައި ދުވަހު ހެނދުނު ލިބުނީ އިތުރު ހިތާމަވެރި ހަބަރެކެވެ. އަޒީޒް އާއި ދިނާޔާ ގެ ގޭގައި މަސައްކަތު މީހެއްގެ ވަޒީފާގައި ތިރީސް އަހަރު ވަންދެން ހުރި ނޭޕާލްގެ ރައްޔިތެއްކަމަށް ވާ ފިރާގްއަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު މަރާލާފައި ގޭގެ ބަގީޗާގެ ތެރެއަށް އެއްލާލައިފާ އޮއްވާ ފެނުނީއެވެ. ފިރާގްއަކީ ގޭގެ އެންމެ ގިނަދުވަސްވީ މަސައްކަތުމީހާގެ އިތުރު އެންމެންގެ ހިތްތަކުން ނުހަނު ބޮޑު ލޯތްބެއް ހޯދާފައިވާ މީހެކެވެ. ހުރިހާ އެންމެންގެ ތެރެއިން ވެސް އަރްކާންއަށް ފިރާގްއަކީ ހާއްސަ މީހެކެވެ. އަރްކާންއާއި އެކު ގިނަ ވަގުތު ހޭދަކުރާތީ ފިރާގަކީ ތުއްތު އިރުން ސުރެން ވެސް ޒެވިއަލްއަށް ފެނި ދެނިވި ފައިވާ މީހެކެވެ. ޒެވިއަލްއަށް ފިރާގް އެހާ ހެވެވެ. އެއި ޒެވިއަލް ވެސް އެންމެ ލޯބިވާ މީހުންގެ ލިސްޓުގެ ވެސް އެންމެ ކުރީގައި ހިމެނޭ އެކަކަށް ވަނީ ވެފައެވެ.
ހަމަ އެދުވަހު އަރްކާން އާއި ޒެވިއަލްގެ ދެމެދުގައި ބޮޑު ހަމަ ނުޖެހުމެއް ހިނގިއެވެ. މިއަދާއި ހަމައަށް ވެސް އެ ހަމަ ނުޖެހުމުގެ އަސްލު އަދިވެސް އެކަކަށް ވެސް އެނގިފައެއް ނުވެއެވެ. ދެމީހުންގެ ދެމެދުގައި ހަމަ ނުޖެހުން ވަރުގަދަވެ އެރޭ ޕޮލިހުންގެ ޖިޕެއް އެގެއަށް އައިސް ޒެވިއަލް ހައްޔަރު ކޮށްގެން ގެންދިޔައީ ޒެވިއަލް ނުކުރާ ކުށެއްގައި ރަނގަޅަށް ވެސް ބައްދާލައިގެންނެވެ.އެކަމުގެ ސަބަބުން އަޒީޒްއަށް ވެސް ބާރުގެ ބޭނުން ކުރަން ނުކުޅެދުނެވެ.
ލިއާނާ ގަބޫލް ކުރާ ގޮތުގައި ކުށްވެރިއަކީ އަރްކާންއެވެ. ބޭއިންސާފުން ޒެވިއަލްއަށް ކަންތައް ވެގެންދިޔައި އަރްކާންގެ ސަބަބުންނެވެ. ޒެވިއަލް ޖަލަށް ލެވުނުތާ މާގިނަ ދުވަހެއް ނުވެ ތުންތުންމަތިން ޒެވިއަލްގެ ކޭސްގައި ސާމިއުގެ އަތެއް ވާކަން ލިއާނާއަށް އަޑުއިވުނެވެ. އޭރު ޒެވިއަލްގެ ފަރާތުން ލިއާނާއާއި ސާމިއުވެސް ފުދޭވަރަކަށް އެކުވެރިވިއެވެ. އެދުވަހު ސާމިއުގެ ގާތައް ލިއާނާ ދިޔުމުން ސާމިއު އިހްތިޔާރުކުރީ ހަމަހިމޭންކަމެވެ. އެކަމުގެ ސަބަބުން ލިއާނާ އަށް ޔަގިންކުރެވުނީ ސާމިއުގެ އަތެއް ވެސް އެކަމަކުގައި ވާކަމަށެވެ.
އޭރު އަރްކާންއާއި ލިއާނާގެ ގުޅުން ވެސް ރަނގަޅެވެ. އަރްކާންއަށް ބޭބެ ކިޔާ އުޅުނު ދުވަސްތައް ވެސް ލިއާނާގެ ހަނދާނުގައި ރަނގަޅަށް ހަރުލާފައި ހުރެފައެވެ. ނަމަވެސް ޒެވިއަލް ޖަލަށް ލީ ހިސާބުން އަރްކާން އައި އޮތް ގުޅުން ނަފްރާތައް ބަދަލް ވެގެންދިޔައީ އެވެ. ދުވަހެއްގެ ކޮޅުންވެސް ހިތްހެޔޮ ނުވާހާ ބޮޑަށް ހިތުގައި ރުޅިވެރިކަމުގެ ވަކިތައް ހިއްޕާލިއެވެ. އެގޭގަ ހުންނަން ބޭނުން ނުވެގެން އަޒީޒްގެ ގާތުގައި އެދުމުން ހިތާ ދެކޮލަށް އަޒީޒްގެ އިތުބާރު ހިފޭ ރަހްމަތްތެރިއެއް ކަމުގައިވާ ސާފިއުގެ ދެމަފިރިންނާއި ލިއާނާ ބެލުމަށް ހަވާލު ކުރިއެވެ. އެގެއިން ލިއާނާގެ ހަޔާތައް މަރުހަބާކީ އުފާވެރިކަމެވެ. ލޯތްބާއި އޯގާތެރިކަމެވެ. ޝާފިއުއާއި ރަމްލާގެ ހުރިހަމައެކަނި ދަރިފުޅު ރައިހާއާއި ލިއާނާ އެންމެ ގާތް މިތުރުންނަށް ވިއެވެ. ޒެވިއަލްއާއި ބައްދަލް ކުރަން ސާފިއު ކޮންމެ ހަފްތާއަކު ލިއާނާ ގޮވައިގެން ދެއެވެ. ލިއާނާ ދެތިން ދުވަހަކު ސާމިއުގެ ވާހަކަ އަހައިލުމުން ޒެވިއަލްގެ މޫނުން ފެނުނީ ނަފްރަތެވެ. ދުވަހެއްގެ ކޮޅުން ސާމިއު ފެނުނު ނަމަވެސް އެއްވެސް ގުޅުމެއް ނުބާއްވަން ޒެވިއަލް އޭނާއަށް އަމުރުކުރިއެވެ. އަރްކާންގެ ސަބަބުން ހައްޔަރުވި އިރުވެސް އަރްކާންއަށް ވުރެން ބޮޑަށް ޒެވިއަލް ނަފްރަތުކުރަނީ ސާމިއުއަށެވެ. ވިސްނާވިސްނާ ވެސް ލިއާނާއަށް އެއީ ހޯދައި ނުގަނެވުނު ކަމެކެވެ. ޒެވިއަލް ގާތުގައި އިތުރަށް އަހާކަށް ވެސް ލިއާނާއަކަށް ނުކެރުނެވެ.
ރަމްލާއާއި ޝާފިއުއަށް ވެސް ޒެވިއަލްގެ ކުށެއްނެތި ޖަލުގައި ހުންނަކަން އެނގެއެވެ. ދެރަވިނަމަވެސް އެދެމަފިރިންނަށް އެކަމުގައި ކުރެވޭނެ ކަމެއް ވެސް ނެތްތާއެވެ.
ހަމަ ޖެހިލައިގެން އުފާވެރިކަން މަތީގައި އުޅެމުން ދިޔަ ލިއާނާގެ ހަޔާތައް އިތުރު ކޮޅިގަނޑެއް ލައްވާލީ ގްރޭޑް ނުވައަކަށް ދިޔަ އަހަރުއެވެ. ކްލާހަށް އަލަށް އައި ފިރިހެން ކުއްޖާގެ ރީތިކަމުން ހުރިހާ އަންހެން ކުދިން މޮޔަވާގޮތްވިއެވެ. ޔޫޝަމްއަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެއްކަން އެނގުނު ހިސާބުން މަދު އަންހެންކުދިން ކޮޅެއް ފިޔަވައި އެހެން ހުރިހާ އަންހެން ކުދިންނެތް ޔޫޝަމްގެ ފަހަތުން ދުވަންފެށީ ވަކި ހެނަކުންނޫނެވެ. އޭނާގެ ފަހަތުން ނުދުވާ މަދު ކުދިން ކޮޅުގެ ތެރޭގައި ލިއާނާ އާއި ރައިހާ ވެސް ހިމެނެއެވެ.
އަންހެން ކުދިން ޔޫޝަމްގެ ފަހަތުން އުޅޭ ގޮތްފެނި ޔޫޝަމް މާ ކިބުރުވެރިވެގެން އުޅެންފެށުމުން ލިއާނާ ވާން ފެށީ ޒާތެއްގެ ފޫއްސެކެވެ. ނަމަވެސް އެގޮތުގައި އޮތީ މަހެއްހާ ދުވަސް ވަންދެނެވެ. ހުރިހާ އަންހެންކުދިންގެ ތެރެއިން ވެސް ޔޫޝަމްގެ ލޮލުގައި އަޅައިގަތީ އެންމެ މަޑުން އިންނަ ލިއާނާއެވެ. ފުރަތަމަކޮޅު ލިއާނާ އަޅައިނުލާ އިނެވެ. ނަމަވެސް އެކަން އެގޮތައް ހިނގީ މަދު ދުވަސްކޮޅެއް ވަންދެނެވެ. ޔޫޝަމްގެ ފޮނިފޮނި ބަސްތަކާއި ދައްކަމުން ދިޔަ މާމުތައް ވުރެން ފޮނި ހުވަފެންތަކަށް ލިއާނާގެ ހިތްވެސް ލެނބިގެންދިޔައީއެވެ. ލިއާނާއަށް ޔޫޝަމްގެ ރީތި ސިފަދެކެ ލޯބިވެވުން އިރު އެއީ ކާކުތޯވެސް ލިއާނާ ނުބަލައެވެ. ޔޫޝަމް ނިސްބަތް ވަނީ މުއްސަނދި އާއިލާއަކަށް ކަން އެނގުނު ނަމަވެސް އެކަމަކާއި ލިއާނާ އެހާ އަޅައެއް ނުލައެވެ. މުއްސަނދިކަމަކީ ލިއާނާ ހޯދަން ބޭނުންވާ އެއްޗެއް ނޫނެވެ. އޭރުވެސް ލިއާނާ ބޭނުންވާ ހުރިހާ އެއްޗެއް ވެސް ލިބެއެވެ. ލިއާނާއަށް ކަމުދިޔައީ ޔޫޝަމްގެ ސިފައެވެ.
ޔޫޝަމްއަށް ލިއާނާ އާބަސް ބުނީ ހުއްޓާނުލާ ޔޫޝަމް ލިއާނާގެ ފަހަތުން، ރައްޓެހިވާން ބޭނުންވާ ކަމަށް ބުނެ އާދޭސް ކުރަމުން ހިނގާތާ ހަތަރު މަސް ފަހުންނެވެ. ޔޫޝަމްގެ އެދުމުގެ މަތިން އެކަން އޮތީ ކުލާސް އެހެން ކުދިންނަށް ވެސް ސިއްރުވެފައިއެވެ. އެންމެ ކުޑަމިނުން ރައިހާއަށް ވެސް އެދެމީހުންގެ ގުޅުން އޮތީ ވަންހާނާވެފައެވެ. އެދުވަސްކޮޅު ލިއާނާއާއި މެދު ބަހައްޓާ އަޅާލުމައި ދެމުންދިޔަ ހިފެހެއްޓުމެއް ނެތް ލޯބީގެ ސަބަބުން ލިއާނާ ހުރީ ނުހަނު އުފަލުން ފޮޅިފައެވެ. ކަންތައްތައް ބަދަލްވީ ކުލާހަށް އިތުރު އަންހެން ކުއްޖެއް އައި ހިސާބުންނެވެ. ލިއާނާއަށް ޔޫޝަމް ދެމުން ދިޔަ ސަމާލުކަން ދެން ޔޫޝަމް ދޭންފެށީ އަލަށް އައި ލަޔާލް ނަމަކަށް ކިޔާ އަންހެން ކުއްޖާއަށެވެ. ލިއާނާއަށް ދެމުން ދިޔަ ލޯބި ފަޑުވަމުން ގޮސް އެއްކޮންހެން ހުއްޓުނެވެ. އެހިސާބުން ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހެންފެށިއެވެ. އެހުރިހާ ކަމެއް ގޯހުން ގޯހަށް ގޮސް ލިއާނާއާއި ޔޫޝަމް ވަކިވީ ލިއާނާގެ ހިތް ޒަހަމް ކޮށްލާފައެވެ. ލިއާނާ ރޮމުން ކުރި އާދޭސްތަކަށް ބީރު ކަންފަތެއް ދެމުންނެވެ. ކުރި ހުރިހާ ވައުދާއި ހުވާތަކެއް ބޭކާރު އެއްޗަކަށް ހަދައި ދެއްކި ހުރިހާ ފޮނި ހުވަފެންތަކެއް ވިއްސިވިހާލި ކޮށްލާފައެވެ. ރައިހާ ގާތު ލިއާނާ ހުރިހާ އެއްޗެއް ކިޔައިދިން ހިނދު ރައިހާ ލޭ ކެކިގެން ދިޔައެވެ.
ޖެހިގެން އައި ދުވަހު ކްލާސް ހުރިހާ ކުދިންގެ ކުރިމަތީގައި ލިއާނާއަށް ޔޫޝަމް ހެދި ހުރިހާ ގޮތެއް އަކުރުން އަކުރަށް ކިޔައިދިނެވެ. ޔޫޝަމް އެއްޗެއް ނުބުނެ މަލާމާތުގެ ހިނިގަނޑެއް ޖަހާލުމަށްފަހު އެތަނުން ދިޔައީއެވެ.އޭރު އެތަނުގައި ފަހުން ޔޫޝަމް ގުޅުން ލަޔާލް ވެސް އިނެވެ. ހީލައިގެން އިންއިރު ހީޥީ މޮޅުކަމެއް ކުރެވުނީހެންނެވެ. ޔޫޝަމް އާއި އޭނާ ގުޅުނީ ޔޫޝަމް ލިއާނާއައި ރުޅިވިފަހުން ކަމުގައި ލަޔާލް އައިސް ލިއާނާގާތު ބުނެލިއެވެ. އަދި އެދެމީހުންގެ ދިރިއުޅުމަށް ނުވަނުމަށް ބުނެ އެހެން ކުއްޖަކާ ލިއާނާ ވެސް ގުޅުމަށް ލަޔާލް ބުންނެވެ. ނަމަވެސް ރައިހާ މަޑަކުން ނުހުއްޓެވެ. ލިއާނާގެ ދިފާއުގައި ލަޔާލްއާއި ވަރުގަދައަށް ރައްދުދިނެވެ. ލަޔާލް ކުރިމަތިން ދަންދެން ލިއާނާ އެދުވަހު ވަރަށް ކެތްކުރިއެވެ. ލަޔާލް ދިޔުމާއި އެކު ގިސްލަ ގިސްލާފައި ލިއާނާއަށް ރޮވުނެވެ. ކްލާހުގެ ބާކީ ތިބި ކުދިން ލިއާނާއަށް ބަލަމުންދިޔައީ ހަމްދަރްދީގެ ނަޒަރަކުންނެވެ. ރައިހާ ކޮންމެ ވަގުތަކުވެސް ލިއާނާއަށް ހިތްވަރު ދެމުންދިޔައެވެ.
އޭގެ ހަފްތާއެއް ފަހުން އެއް ރޭ ރޭގަނޑު ރައިހާއާއި އެކު ލިއާނާ ބޭރަށް ދިޔައީ ރަމްލާ ގާތުން ހުއްދަ ހޯދައިގެން ރެސްޓޯރެންޓްއަކަށް ކާން ދިޔުމަށެވެ. ރެސްޓޯރެންޓްއަށް ވަދެފައި ލިއާނާއާއި ރައިހާ މޭޒެއް ބޭނުންވީ މީހުން މަދު ހިސާބަކުން ކަމުން ތަންކޮޅެއް އެތެރެއަށް ހުރި މޭޒު ބަރިއާއި ދިމާލަށް ދިޔައެވެ. އެހިސާބު އޮތީވެސް ތަންކޮޅެއް އަނދިރިކޮންނެވެ. ބޭނުންވި ހިސާބުން ލިބުނު މޭޒުގެ ކައިރީގައި އިށީން ދެމީހުންނަށް ފުރަތަމަ ވެސް ފެނުނީ ނުހަނު ގައިގޯޅިކަން މަތީގައި ތިބި ޔޫޝަމް އާއި އިތުރު އަންހެންކުއްޖެކެވެ. ޔަގީނުން ވެސް އެއީ ލަޔާލް ނޫން ކަން އެނގެއެވެ. ޔޫޝަމް އާއި ލަޔާލް އެދުވަހުވެސް ކްލާސްތެރޭގައި ނުހަނު އެކުގައި އުޅުން ތައް ދެމީހުންނަށް ވެސް ވަނީ ފެނިފައެވެ. ޔަގީނުންވެސް ޔޫޝަމް އެ ގަނޑު އެގަތީ ލަޔާލްއާއި ރުޅިނުވެކަން ދެމީހުންނަށް ވެސް އެނގުނެވެ. ލިބުނު ފުރުސަތުގައި ލިއާނާ ބޭނުންވީ ރަނގަޅަށް ބަދަލް ހިފާށެވެ.
ޔޫޝަމްއާއި އެ އަންހެންކުއްޖާ އެ ގައިގޯޅިކަން މަތީގައި ތިއްބާ ދެމީހުންގެ މޫނު ރީތިކޮން އަރާނެހެން ދެތިން ފޮޓޯއަކާއި ވީޑިއޯ ކޮޅެއް ނެގުމަށްފަހު ހަމަ އެވަގުތު ލަޔާލްގެ ވައިބާ ނަމްބަރަށް ފޮނުވާލިއެވެ. މާ ގިނައިރު ތަކެއް ނުވެ ލަޔާލް ގުލަން ފެށިއެވެ. ނަމްބަރ ބިޒީކޮށްލުމަށްފަހު ތަނުގެ އެޑްރެސް ފޮނުވަމަށްފަހު ލިއާނާ އެދުނީ އެތަނަށް އައުމަށެވެ. އެތާގައި ތިބޭތާ ފަނަރަ ވަރަކަށް މިނެތް ފަހުން އިތުރު އަންހެންކުއްޖަކާއި އެކު ލަޔާލް ވަދެގެން އަންނަތަން ފެނުނެވެ. އެ މަންޒަރު ފެނި ހެމުންހެމުން ރައިހާ ދައްކާލިއެވެ. ލިއާނާ ގާތައް ވެސް ހިނިއައި ނަމަވެސް ލަޔާލް ރޮމުން އައިތަން ފެނި ހިތައް އުނދަގުވިއެވެ. އެ ވޭން އޭނާ ވެސް ތަހައްމަލް ކުރިއެވެ.
ލަޔާލް އެހިސާބަށް އަޜާ ހަމަވުމުން ޔޫޝަމް މެން ދައްކާލުމަށް ފަހު އެތަނުން ނުކުމެގެން ލިއާނާއާއި ރައިހާ މިސްރާބު ޖެހީ އެހެންތަނަކަށެވެ. ކުރެވުނު ކަންތައްކުން ހިތްހަމަޖެހުމުން ލިއާނާ އާއި ރައިޙާ ހެމުން ހެމުން ދިޔައިރު އަންނަން އުޅޭ ތޫފާނުގެ ހިލަމެއް ނުވާ ފަދައެވެ.
***
(ނުނިމޭ)