ހިރާސް 1 (03) – Vaahaka by Ann
ހިރާސް (ސީޒަން 1)

ހިރާސް 1 (03)

“ކޮބާ ނިމުނީތަ… ދަބަރު ޖަހާފަ އޮތް ވަތުއޮޑިއެއް ވިއްޔާ އިވޭނީ ހަމައެކަނި ދަބަރުގެ އަޑެއްނު “ކަންފަތައް އިނގިލި ހަރާގެން އިޒާން ހެވިފައި ހުރެ ނިޔަލް އިތުރަށް ރުޅި އަރުވާލުމުގެ ބޭނުމުގައި ބުންޏެވެ. ކަންވީ އޭނަހިތައްއެރި ގޮތަށެވެ..ނިޔަލްގެ ސިންގުރުޅި އައީއެވެ. ވަރެއްގެ ފިރިހެން ކުއްޖެއްތާއޭ ހިތައް އެރިއެވެ. އޭނާ އެހެން ބުނީވެސް މަޖަލަކަށް ހަދާފަވިއްޔާއޭއެވެ. އޭނާގެ ރުޅިގަދަވާހަކަ ދައްކާއިރު ނިޔަލް ވަކި ސަހަލު ހެއްޔެވެ. ‘ޕިސްޕިސް’ ކިޔާ ބޯހަލުވާލި ނަމަވެސް ނުހަނު ހަމަޖެހިފައި އިޒާން ހުއްޓެވެ.

ރުޅި އައިސްހުރި ނިޔަލްގެ ކުރިމަތިން އިސާހިތަކު ދުންގަނޑެއް ފާޅުވިއެވެ. ސިކުންތު ކޮޅެއް ފަހުން ދުންތައް ސާފުވި އިރު ނިޔަލް ފެންނާކަށް ނެތެވެ. އިޒާން ބަލަބަލާ ހުއްޓައި މިވީގޮތުން އޭނާއަށް ތެޅިގަނެވުނެވެ. އިޒާންގެ ލޮލުން ފެނިލީ ބިރުވެރިކަމެވެ.  ނިޔަލް އަށް ގޮވަމުން ވަށައިގެން އެނބުރެން ފެށިއެވެ.

 

***

. ލޯ މަރައިގެން ހުރެއިރުކޮޅަކު ހުރެ ހުޅުވާލި ހިނދު އިޒާންގެ އަޅި ދެލޮލަށް ‘ކްރިމްސަން’ ވެރިވެ ވިދަމުން ދިޔައެވެ. އެކުލަ ފަނޑުވެ އަޅިކުލަ ލޮލަށް ވެރިވެގެން އައި ހިނދު އޭނާގެ މޫނުމައްޗަށް ލާނެތް ކަން ވެސް ވެރިވެގެންއައެވެ. ނިޔަލް ހުރިތަން އެނގުމާއި އެކު ޖަހާލީ ހިނިގަނޑެކެވެ.

އިޒާން އެކްޓް ކުރަންވެސް މޮޅީއޭ ނިޔަލްގެ ހިތަށް އެރިއެވެ. ދެންމެ އޭނާ ނުފެނިގެން މުޅިތާގައި އެނބުރުނު މީހާވިއްޔާއެވެ. މިހާރު ހެނީއެވެ. ހަމައެ ސިކުންތެވެ. ނިޔަލް ހުރީ އޭނާގެ ފަހަތުގައެވެ. ވައިރޯޅިއެއްހާ ހަލުވިކޮން ސިކުންތެއް ތެރޭގައި އިޒާން ހުރީ ޖެހިގެން ހުރި ޕައިން ގަހުގެ ކޮޅަށް އަރައެވެ. އެހިސާބުގައި ވަނީ އެކި ވައްތަރު ގެ ބިޔަ ޕައިން ގަސްތަކުން ޖަންގަލި ހެދިފައެވެ. ދާދިކައިރީގައި އޮއި ދެމޭ ކޯރެއް ވެއެވެ. ސަރަހައްދުގެ ހިމޭކަން ނަގާލައިފައި ވަނީ އެކޯރުން ތިރިޔަށް ފައިބަމުންދާ ފެނުގެ އަޑުންނެވެ.

“ހާއީ”  އިޒާން،ޕައިން ގަހެއްގެ އެންމެ ކުރީގަ އޮވެގެން އަތް ހޫރަމުން ނިޔަލް ހެއްވަންވެގެން ޒާތެއްގެ އަޑެއް ނެރެގެން ވާހަކަ ދެއްކިއެވެ. ތުންފިއްތައިގެން ހުރިނަމަވެސް  ނިޔަލް އަށް ހެވުނެވެ. އެހާ މަތީގައި އޮވެގެން ނުހަނުމަޑުން ބުނި ނަމަވެސް ނިޔަލްގެ ކަންފަތައް އެއަޑު ނުހަނު ސާފްކޮން އިވުނެވެ.

ނިޔަލް ރުޅިމަޑުވިކަން ޔަގީންވުމުން  ސިކުންތު ކޮޅެއްގެ ތެރޭގައި ގަހުން ފައިބާގެން އޭނާހުރީ ނިއަލް އާއި އެއްހަމާގައެވެ. “ވޯހްހް.. ސޯ ފާސްޓް .. ވެމްޕަޔާއަކަށް ވުރެން ވެސް ..ޓޫ.. ޓޫ ފާސްޓް”  ނިޔަލް ހުރީ އިޒާންގެ ކުޅަދާނަކަން ފެނި އާޝޯޙްވެފައެވެ. އަނގަހުޅުވިގޮތަށް ލައްޕަން ވެސް ނީނގިފައެވެ.

” ސޫއްޕެއް ވަދެފާނެ ތި އަނގަގަނޑު ލައްޕަބަލަ.. ކޮންމެ ދުވަހަކުވެސް މިމަންޒަރު ފެންނަ އިރު ވެސްތަ.. މިއަށްވުރެން ހައިރާންވާވަރުގެ ކަންތައް ވެސް ފެނެއެންނު” އެއްލޯމަރާލައިފައި އިޒާން ޖަހާލީ ހިނިގަނޑެކެވެ. ނިއަލް ވެސް ހީލީ އެބުނިއެއްޗެއް ވިސްނުމުންނެވެ.

” ކޮބާ ކަލޭ އަދިވެސް ޖަވާބު ނުދެމެންނު” ނިއަލް ޖެހިލުންވެ ހުރެ އެންމެ ކުރިން ވާހަކަ ދެއްކި މައުލޫއުއަށް ދިޔައެވެ. “އޭނަ ހީކުރީ މަމީ އަޅެއްކަމަށްތަ.. މަ ނުހަދަނާން މިފަހަރު އެމީހުން ބުނާގޮތެއް ..މީގެ ބާރަ އަހަރުކުރިން ވީގޮތް ވެސް އޭނައަށް އިނގޭނީ އެންމެ ބޮޑަށް..ވީއިރު މަށަކަށް ނީނގެ އޭނަ މަ އެތަނަކަށް ނުފޮނުވިގެން އުޅޭ ސަބަބެއް ..މަށެއް ނުދާނަން” އިޒާންގެ ،މޫނަށް އިންތިހާ ރުޅިވެރިކަން ވެރިވަމުންދިޔަ ނަމަވެސް ވާހަކަ ދެއްކީ ކުރިންދެއްކިހާ ހަރުކަށިކަންމަތީގައެނޫނެވެ. ނިއަލް އިޒާންގެ ކޮނޑުގައި ހިފަހައްޓާލީ ހާސް ނުވުމަށް ބުނެފައެވެ.

****

އިޒާންމެންނާއި ސަތޭކަ ފޫޓު ދުރުގައިވާ އުސް ޕައިން ގަހެއް މަތީގައި  މިހުރިހާމަންޒަރެއް ބަލަން މީހަކު ހުއްޓެވެ. އިސްކޮޅުން ހަވަރަކަށް ފޫޓު ހުރި އިރު އޭނަގެ ބޯވަނީ ލައިގެން ހުރި ކަޅުކުލައިގެ ހޫޑީގެ ހުޑްއިން ނިވާކޮށްފައެވެ. އޭނާގެ ކަނާއަތު ލޯފިޔަވައި މުޅި މޫނު ވަނީ ކަޅުކުލައިގެ ރަބަރު މާސްކަކުން ނިވާކޮށްފައިއެވެ. އަތަށް ވެސް ވަނީ ފިޓްކޮންހުރި ކަޅުކުލައިގެ ރަބަރު އަންގިއެއް ލައްވާފައެވެ. އަރާފައިވާނީ ހުސްކަޅުގެ ބޫޓަކަށެވެ. އެމީހާ ހުރިގޮތުން އެއީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ނީނގެއެވެ. އޭނަގެ މުޅި ހަށިގަނޑުން ވެސް ހަމައެކަނި ފެންނަނީ ކަނާއަތު ލޮލެވެ. އެހެން ކަމުން އެއީ ކާކުކަން ހޯދުމަކީ ނާދިރުކަމެކެވެ. އިސާހިތަކު އޭނާ ގެ އުނަގަނޑުން  އެނުކުތީ ނުހަނު ބޯވަރައެކެވެ. އޭނާގެ އިސްކޮޅަށްވުރެން އެވަރަ ކުރު ވާނީ ފޫޓެކެވެ. ގަދަ އަޅި ކުލާއިގެ ކުދިކުދި ދޫނިފަތްތަކަކުން މުޅިވަރަވަނީ ފުރާލެވިފައެވެ. ލައިގެންހުރި ހޫޑީގެ އުނަގަނޑާއި ދިމާ ވަނީ  ވީދިފައެވެ.   އުދުއްސައިގަން ވަގުތު ފަތު އަޑުކިޔައިގެންދިޔައެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފަޒާގެ ތެރެއަށްގޮސް ގެއްލުނެވެ.

****

ނިޔަލް އާއި އެކު އޮލަވާހަކައެއް ދައްކަމުން މެދުމިނުގެ ހިގުމެއްގައި ހިނގަމުންދިޔަ އިޒާން ވައްކަޅިން ފަހަތް ބަލާލިއިރު އެ މަޑުރަތް ތުންފަތުގައިވަނީ ކާމިޔާބީގެ ހިނިތުންވުމެވެ. “ޕްލޭން އޭ  ސަކްސެސްފުލް . ސޯ ޕްލޭން ބީ ފަށަންވީ.. އިޑިޔަޓް.. ޔޫ އާރ ޑަން” އުދުހިފައިދިޔަ މީހާ ގެއްލެންދެން އިޒާން ބަލަހައްޓައިގެން ހުއްޓެވެ. އޭރު ނިޔަލް އެކަނިހުރެ ހިނގަމުން ދިޔައެވެ.  އިޒާން ފަހަތުގައި މަޑުކޮށްގެން ހުރިކަމެއް ނީނގެއެވެ. ހީހީފައި ވާހަކަ ދައްކަމުން ދިޔަ މަންޒަރު ފެނި އިޒާނަށް ނުހޭން ހުއްޓަސް ބާރަށް ހެވުނެވެ. އެ އަޑަށް ނިޔަލް ހޭވެރިކަން ވެގެން ބަލާލައިފައި އަނގަހަދާލިއެވެ. އެއަށްފަހު  ދެމީހުން ސަކަރާއިޖަހަމުން ސިކުންތުކޮޅެއް ތެރޭގައި އެމީހުން ދިރިއުޅޭ ހިސާބައްދިޔައީ އެ އާދަޔައިހިލާފް ހަލުވި މިނުގައެވެ.

*****

މަރުވެފައިވާ މައްޔިތެއް ހެން ހިނގާފައި ދިޔަ ޒީވާ ކޮޓަރިޔަށް ވަދެ އެންމެ އަވަހަށް އަތުޖެހުނު ތުވާލި ހިފައިގެން ވަނީ ފާހާނައަށެވެ. ލައިގެން ހުރި އަންނައުނު ތައް ބޭލުމަށް ފަހު އެ ތަނަވަސް ބޮޑު ފާހާނައިގެ ވަންނަ ދޮރު ކައިރީގައިވާ ދާވަށިގަނޑަށް އަޅާލުމަށްފަހު ފެންވަރަން ފެށިއެވެ. އެ ރެއިންޝަވާރ އިން އަންނަމުންދިޔަ ފިނިފެނުން ހަށިގަނޑަށް އަރާމްވެލިއެވެ. ނަމަވެސް ސިކުނޑިއަށް ކުރަމުން ދިޔަ ބާރުން ބޮލުގައިވަނީ ރިހުމެއްއުފެދިފައެވެ. އޭނާ އަށް ވެގެން ވާނަމަ އެ ފިނިފެނުން އޭނާގެ ސިކުނޑިވެސް ތެންމާލީހެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާގެ ސިކުނޑިއަށް ފިނިކަމެއް ލިބޭނެ ނަމައޭ ހިތައް އެރިއެވެ. ހުރިހާއިރު ވަންދެން ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމުން ބޭރުވެ ގަޔަށް އޮހެމުން ދިޔަ ފެނާއިއެކުވެގެން ދިޔައީ އިސާހިތަކުއެވެ.

އެތައް އިރަކު ރޮއިލުމުން ލުއިކަން އިޙްސާސްވެގެން މާގަނޑު ބަންދުކޮށްލިއެވެ. އޭރު ދެލޯ ވަނީ ދުޅަވެފައެވެ. އަވަސް ކޮށްލައިގެން ޑިއުޓީއަށް ދިޔުމަށްޓަކައި ސައިފޮދެއް ބޯލުމަށްޓަކައި ތައްޔާރުވެލުމަށް ފާހާނައިން ނުކުތެވެ.

ކްލޯސެޓްގެ ދޮރު ކަހާލުމަށްފަހު މަޑު ފިޔާތޮށި ކުލައިގެ ގަމިސްކޮޅަކާއި ކަނޑު ނޫކުލައިގެ ހައިވެސްޓެއް ނެގުމަށްފަހު ލިއެވެ. ކްލޯސެޓްގެ  ދޮރު ލައްޕާލުމަށްޓަކައި ކަހާލުމަށްފަހު ދޮރުގެ މަތީގައިވާ ތަތްކޮށްލާފައިވާ ކަރުދާސްކޮޅުގައިވާ ލިޔުންކޮޅަށް ބަލާލިއެވެ. ހަމަ އެ ލިޔުންކޮޅު ލިޔެލާފައި ކަރުދާސްކޮޅުތައް ކޮޓަރީގެ އެކި ތަންތާގައިވަނީ ހަރުކޮށްލާފައިއެވެ. ކުލޯސެޓްގެ ދޮރުގަޔާއި ފާހާނާގެ ދޮރު އަދި ޑްރެސިންގް ޓޭބަލްގެ ލޯގަނޑުގެ އިތުރުން އަދި އިތުރު ދެތިންތާކު ވަނީ އެ ލިޔުންކޮޅު ހަރުކޮށްލާފައިއެވެ.  އޭގައި “ޑޯންޓް ފޮރގެޓް އެބައުޓް ޔުއަރ ޑެއިލީ ޓޫ ތިންގްސް” އިނގިރޭސި ބަހުން ވަނީ ލިޔެފައެވެ.

ޑްރެސިންގް ޓޭބަލްގެދޮށުގައި ހުރެއެ ދޮން މޫނުގައި ކުޑަ މޮއިސްޗްރައިޒާރ ކޮޅެއް ހާކާލުމަށްފަހު މެރޫން ކުލައިގެ ލިޕްސްޓިކަކުން މަޑުރަތް ކުލައިގެ ތުންފަތުގެކުލަ އިހުނައްވުރެން ގަދަކޮއްލިއެވެ. ސެންޓްޖަހާލުމަށް ފަހު ލޯގަނޑުދޮށުގައިހުރެ ފަރާތްފަރާތައް އެނބުރިލިއެވެ. އޭރު މުޅި ހިސާބުގައި އެއްވަސްވެފައިވަނީ އިންޓެންސް ބްލެކް ސެންޓްގެ ހިތްގައިމު ވަހެވެ. “ބުލޫ-އައި” ހޮސްޕިޓަލްގައި ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގައި އާދައިގެ ހެދުމުގައި ހުރިހާ ނަރުހުންނަށް ވެސް ޑިއުޓީއަށް ނުކުމެވެއެވެ. ޒީވާ ތައްޔާރުވުމަށްފަހު ޑްރެސިންގް ޓޭބަލްގެ ކުޑަ ވަތްގަނޑު ހުޅުވުމަށްފަހު ރިހިކުލައިގެ ކުޑަ ދަޅެއް ނެނގިއެވެ.އޭގެ މަތިނެގުމައްފަހު އޭގައިވާ ލެންސް ނެގިއެވެ. އޭނާ އެ ލެންސް ލައްވާލީ ހަލުވިކަމާއެކީގައި އެވެ. މިހާރު އެލޮލުގައިވަނީ ކަޅުކުލައިގެ ކަޅިއެއް ނަމަވެސް އެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. އެލެންސް ނުލައްވާ އޭނާ އަށް ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. މީގެ ކުރިން ދެތިންފަހަރަކު އޭނާ ލެންސް ނުލާ ބޭރަށް ދިޔުމުން ވީގޮތް އޭނާ ހަނދާން އެބަހުއްޓެވެ.

****

“މީތި ކޮށާބަ ޑެޑީ .. ” އަތުގައި އޮތް ސުޕާރީ ޕެކެޓް ދައްކާލަމުން ބުޅިބުޅި އިސްތަށިކޮޅެއް ލާފައި ހުރި ކުޑަކުޑަ ނީކިޔާ ބިމުގައި ދެފައި ތަޅާލަމުން ބުނެލިއެވެ. ފަސް އަހަރުގެ ލޯބި ބުދެއްފަދަ ތުއްތު ނީކިޔާ ހުންނަނީ ހިމަ ތޮޅިކޮންނެވެ. ހުދުކުލައަރާ އޮމާން ހަންގަނޑެކެވެ. ފިޔާތޮށި ކުލާއިގެ ތުނި ތުންފަތެކެވެ. ނީކިޔާގެ އެންމެ “ކިއުޓް” ސިފައަކީ ދެފަރާތު ކޮލަށްއެޅޭ ދެއަޑިކޮޅެވެ. އެ ކުއްޖާ ފެންނަ ކޮންމެ މީހަކު ވެސް ލޯބިން ހިތްބަންޑުން ވެދާހާވެއެވެ. ” މިނީބޭބީ.. އައްޗިކުދިން މިކަހަލަ ބޭޑް އެއްޗިސް ކާނީ އިނގޭ ދަރިފުޅޫ .. ބައްޕި ވެސް ނުކަމެއްނު.. ސީ..ސީ..ޑެޑީގެ މައުތް ..އިޓްސް އެމްޕްޓީ ދޯ” ނީކިޔާ ކައިރީ ކުޑަކަކޫ ޖަހާލައިގެން އިދެ ޒައުލް ނުހަނު ލޯބިން ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް ނީކިޔާ ދިޔައީ ބޮޑާހާކަމުންނެވެ. އެންމެ ފަހުން ޒައުލް އަށް ޖެހުނީ ގޮތް ދޫކުރާށެވެ.

ޒައުލް އޭލެވެލް ނިންމުމަށްފަހު މެލޭޝިޔާގައި ހަތް އަހަރުގެ މެޑިސިން ކޯސް ހެދުމަށްފަހު ރާއްޖޭގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމުގައިވާ “އެމް.ވައި ހޮސްޕިޓަލް” ގައި މަސައްކަތް ކުރަން ފެށިފަހުން އަށްއަހަރު މިވަނީ ވެފައެވެ. އޭނަ ޒަވާޖީ ހަޔާތެއް ފެށީ އޭނާ މުޅިހަޔާތުގައި ވެސް އެންމެ ލޯބިވި ޔިރާ އާއި އެވެ. ދެ ޒުވާނުންނަކީ ކުޑައިރުގެ ރަހްމަތްތެރިންނެވެ. ނަމަވެސް ދިމާނުވާތާ އެތައް އަހަރެއް ފަހުން،  ޒައުލް އާއި ޔިރާ ދިމާވި އެމް.ވައި ހޮސްޕިޓަލް ގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި ހާއްސަ ޖަލްސާގެތެރޭންނެވެ. އެއީ ޒައުލް ހޮސްޕިޓަލްއަށް ވައިންތާ މަހެއް ފަހެވެ. ޔިރާ އަކީ އެ ހޮސްޕިޓަލް ގެ ސީ.އީ.އޯ މައިސަރު އިބްރާހިމްގެ އަންހެން ދަރިފުޅެވެ. ދެމީހުންގެ ރަހްމަތްތެރިކަން ލޯތްބަށް ބަދަލުވެ ކައިވެނިކުރެވިގެން ދިޔައީ ދެ އާއިލާގެ ފުރިހަމަ ރުހުމާއެކުގައެވެ. ނަމަވެސް ކައިވެނި ކުރިތާ މާގިނަ ދުވަހެއްނުވެ ޔިރާގެ އަހުލާގް ޒައުލް އަށް އިނގިގެންދިޔައެވެ.. މަސްތުވާތަވެއްޗާއި ޑުރަގްސް ބޭނުން ކުރުމުން އަރާހުއްޓެވެ. މީގެ އިތުރުން އެކި ގުރޫޕުތަކާއި “ޑީލް” ހަދާއިގެން ރާއްޖެއަށް މަސްތުވާއެއްޗިސް އިންތިހާއަށް އެތެރެކުރެއެވެ. ދަންވަރު ދޭއްގެ ކުރިން އޭނާގެޔަކަށް ނުވަންނާނެއެވެ. އައިސްވެސް ހެނދުނު ބާރައިގެ ކުރިން ނިދާ ނުހޭލާނެއެވެ. ކައިވެންޏައް މަހެއް ނުވަނީސް ކުއްޖެއް ލިބުމުން ޒައުލް އަށް މަޖުބޫރު ވީ އެކުގައި އުޅޭށެވެ. ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް ޒައުލްއާއި ދިމާލަށް ބަވާލުމަށް ފަހު ނުކުމެގެން ދާނެއެވެ. ޔިރާގެ ހަގީގަތް މުޅިދުނިޔެއަށް ވަންހަނާކޮށްގެން ޒައުލް ހުންނަނީ ނީކިޔާ އަށްޓަކައިއެވެ. ނަމަވެސް ޔިރާ، ތުއްތު ނީކިޔާ އަކާއިވެސް އަޅައިލުމެއް ނުހުރެއެވެ. ޒައުލް ކާން ނުދީފި ނަމަ އެކުއްޖާ ހުންނާނީ ނުކައެވެ. ޒައުލް ޑިއުޓީއަށް ދަނީ ޓީވީން ކާޓޫން އަޅުވާފައި ކާނެ ބައިވަރު ސާމާނާއި ގަޔާވާނެ ފޮތްފަދަ ތަކެތިން ސިޓިންރޫމް ސޯފާކުރިމަތީގައިވާ މޭޒު ފުރާލައިފައެވެ.  ނީކިޔާ އަތަށް ދީފައި އޮންނަ ފޯނަށް ޒައުލް ވަނީ ސިމެއް ލައްވާފައެވެ. އެ ވަރުގެ ކުއްޖެއް އެކަނި ގޭގައި ބަސް އަހާގެން އިންނަ ކަމާއިމެދު ޒައުލް ހެއްދެވި ފަރާތައް ޝުކުރު ކުރެއެވެ.

“ހިނގާ ބޭބީ ތިއްތި ކޮށްލައިގެން މާމަ މެންބަޔަށްދާން ދޯ.” ޒައުލް ނީކިޔާ އުރާލައިގެން ތެދުވެ ފާހާނައަށްވަނެވެ.

***

ކުލްސޫމާ އަށް ނުފެނި ޑިއުޓީއަށް އާދެވުމުން ޒީވާ ހުރީ ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބިފައެވެ. ހުކުރު ދުވަސް ނަމަވެސް ވަކި މީހުން މަދު ހެންހިޔެއްނުވެއެވެ. ބްލޫ-އައި ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލެވެ. ފަންސަވީސް ބުރީގެ އެއިމާރާތުގައި ރާއްޖޭގެ އެހެން ހޮސްޕިޓަލުތަކުން ނުލިބޭފަދަ ފެންވަރު ރަނގަޅު ހިދުމައްތަކެއް ލިބެއެވެ.

ޒީވާ ލިފްޓަށް އެރުމަށްފަހު އަށާރަ ވަނަ ފަންގިިފިލާއަށް ދިއުމަށް ، ލިފްޓްގައި ހަރުކުރެވިފައިވާ ފިތުން ފިތަކަށް އޮބާލިއެވެ.  ދޮރު ނުލެއްޕެނީސް މީހުން އަރާ ފުރިއްޖެއެވެ.  ދިހަވަރަކަށް މީހުން އެއްފަހަރާއި ވަންއިރު ހުރެވުނީ ނެވާލާން ވެސް އުނދަގޫވެފައެވެ. . “ކަންތަކާއި މިޖެހުނީ..ހަހް..” އަމިއްލަ ނަފްސަށް އިވޭވަރަށް ޒީވާ ބުނެލިއެވެ. “ލިވީ..ލިވީ..ވެއިޓް”  ކުއްލިޔަކަށް ދުރުން އައި ފިރިހެން ކުއްޖެއް ޢޭނާގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ގޮވަމުން އައެވެ.

“ލިވީ” ޒީވާއަށް ބޮލުގައި އަތްލެވުނި ތޫނު ތަދެއް ބޮލަށްއެރުމުންނެވެ. ހަމަ އެވަގުތު ލިފްޓު ތެރެއަށް ވަން މޫނުބުރުގާ އަޅައިގެން ހުރި އަންހެނަކު ފެނި ޒީވާ ދާހިއްލަންފެށިއެވެ. ގައިންވަރުދޫވާ ހެން ހީވެގެން ކައިރީގައި ހުރި މީހެއްގެ ގައިގާ އަތް ލެވުނެވެ. ” ލިވީ..ސޮރީ ޔާ..” އެ ފިރިހެން ކުއްޖާ އަނެއްކާވެސް ކައިރީގަ ހުރި އަންހެން ކުއްޖާޔާއި މުހާތަބު ކުރިއެވެ.  “ލި..ލި..ވ” ޒީވާ ބޮލުގައި ދެއަތުން ހިފައިގެން ނަގާދިލައިގެން ކެތްނުވެގެން ހުރިދިމާއަށް ތިރިވެވުން ވަގުތު ކޮންމެވެސް ބަޔަކު ގޮވާ އަޑު އިވުނެވެ.ތަންތަން ނުސާފުވަމުންގޮސް އޭނާ އަރިއަޅާލިއެވެ. ދެން ވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ..

******

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު