“ވަޓް ދަ ފަ*! އެމީ ހޮސްޕިޓަލުން ނެގީ މޫނު ބުރުގާ އަޅައިގެން ހުރި މީހެއް.. ހޫގޯގެ ގެއިން ލިއޯއަށް ފެނުނީ މޫނު ބުރުގާ އަޅާފަ ހުރި އަންހެނެއް.. ނައު ހިޔަރ މޫނު ބުރުގާ އަޅައިގެން ހުރި މީހެއް.. ވަޓްސް ގޮއިން އޮން!” އިޔާން އިނީ ރަނގަޅަށް ވެސް ހާސްވެފައެވެ. ވިޝާމްގެ ހާލަތު މާ ގޯހެވެ. ފެންނަމުން ދިޔަ ސްކުރީނަށް ބަލަން އިން އިރު ވާހަކަ ދެއްކުމަށް ވެސް އިނީ ނުކުޅެދިފައެވެ. އޭނާ ބަލަހައްޓައިގެން ހުރީ ސޯދިގަށެވެ. ކިތަންމެ ބޮޑު ދުޝްމަނު ކަމެއް ހައިކަލްއާއި ދެމެދު އޮތް ނަމަވެސް އެހާ ދަށް ފެންވަރަކަށް ސޯދިގު ވެއްޓިދާނެ ކަމަކަށް ހިތަކަށް ވެސް ނާރައެވެ. ދެން ވިޝާމް ކަޅި ހުއްޓުނީ އެ އަންހެން މީހާއަށެވެ. ވިޝާމްގެ އަތް މައްޗަށް ނެގުނު އިރު ޝަހާދަތް އިނގިލި ޖައްސާލެވުނީ އެ އަންހެން މީހާގެ ލޮލާއި ދިމާލުގައެވެ. އިނގިލި ތިރިކުރަމުން ގޮސް ހުއްޓުވާލީ އޭނާ ލައިގެން ހުރި ހެދުމާއި ހިސާބަށެވެ. އޭރު ވިޝާމްގެ އަތް ވެސް ތުރުތުރު އަޅައެވެ. ހިތައް ވެރިވެގެން ދިޔަހިޔާލުން މެއިން ދިލަ ނަގައިގަތެވެ. އިޙްތިޔާރެއް ނެތި ވިޝާމްގެ ލޮލުން ފެންތައް ފައިބައިގަތެވެ.
****
“ހައު އިޒް ދިސް ޕޮސިބަލް!” ވިޝާމްގެ އަނގައިން އެ ބަސްތައް ބޭރުވި އިރު އަޑުގައި ހުރީ ޒާތެއްގެ ރިހުމެވެ. ވޭނެކެވެ.
“ވަޓް؟” އިޔާންއަށް ބުނެވުނެވެ. ވިޝާމްގެ އެ ސުވާލުގެ ފަހަތުގައި ފޮރުވިފައިވާ ފުން މާނައެއް އިޔާންއަކަށް އެއްގޮތަކަށްވެސް ފަހުމެއް ނުވިއެވެ. ވިޝާމް އެއްވެސް ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި، ތުރުތުރުލާ އަތަކުން ފޯނު ހުޅުވާލުމަށްފަހު، އިޔާންގެ ކުރިމައްޗަށް ދިއްކޮށްލީ ފޮޓޯއެކެވެ. އެއީ އާއިލާ އެންމެން އެކުގައި، އަމާޔާގެ އުފަން ދުވަހު ނަގާފަ އިން އާއިލީ ފޮޓޯއެކެވެ. ހައިކަލްއާއި އާމިލާގެ މެދުގައި އަމާޔާ ހުއްޓިލައިގެން ހުއްޓެވެ. ސަދަފް އާއި ވިޝާމްއަދި ޔުމާން ހުރީ ހައިކަލް ހުރި ފަޅީގައި ހުއްޓިލައިގެންނެވެ. އާމިލާ ހުރި ފަރާތުގައި މަންހާއާއި މަހާގެ ގާތުގައި ހުރި ޝާއިރާއަށް ވިޝާމް އިޝާރަތް ކޮށްލިއެވެ.
“ބަލާބަލަށް އޭނަ ލައިގެން އެހުރި ހެދުމަށް!. ގަދަ ނޫކުލައިގެ ހެދުމެއް.. އަހަރެމެންނާއެކު މި ފޮޓޯއިން ފެންނަން އެހެރީ އާދައިގެ ގޮތަކަށް. އެކަމަކު، ކާރުތެރޭގައި މޫނުބުރުގާ އަޅައިގެން އިން މި ފޮޓޯއަށް ނިކަން ފުންކޮށް ބަލާލަބަލަ! ކާރުގަ ތެރޭގަ ޝާއިރާ ލައިގެން އެހުރީ އެދުވަހު ޕާޓީގަ ވެސް އޭނަ ލައިގެން ހުރި ހެދުން… އެއީ ހަމަ ޝާއިރާގެ ދެލޯ. މިއަށްވުރެ ވަކިން ބޮޑު ހެއްކެއް އޮންނާނެތަ؟ ތަފާތަކީ ހަމައެކަނި މޫނު ފޮރުވުމަށްޓަކައި ބޭނުންކޮށްފައިވާ ފޮތިގަނޑު”
ވިޝާމްގެ އިނގިލިން އިޔާންގެ ލެޕްޓޮޕްގެ ސްކްރީނަށް އިޝާރާތްކޮށްލި ހިނދު، އިޔާންގެ ސިކުނޑިވެސް އެ ހަގީގަތާ ދިމާލަށް މިސްރާބުޖެހިއެވެ. އެކި ދިމާދިމާލުން ބަލައި، މަންޒަރު ކިތަންމެ ވަރަކަށް ސާފުކުރި ނަމަވެސް ފެންނަން އޮތް ހަގީގަތަކަށް ބަދަލެއް ނައެވެ. އެއީ ހަމަ އެ ދެލޮލެވެ. ވިޝާމް ބުނިހެން، އެއީ ހަމަ އެ ހެދުމެވެ. ނަމަވެސް، މި ހޯދުނު ހޯދުމުގެ މައްޗަށް މުޅިން އިތުބާރުކުރުމުގެ ކުރިން، އިޔާން ބޭނުންވީ އެކަން ފުރިހަމައަށް ކަށަވަރުކުރާށެވެ. ޝައްކުގެ ކުޑަވެސް މިންވަރެއް ބާއްވާކަށް އޭނާ ބޭނުމެއް ނުވިއެވެ. އިރުކޮޅަކު ވިސްނާލަން މަޑުކޮށްލުމަށްފަހު، އިޔާން ގުޅާލީ މަހުދީ އަށެވެ.
“އޭ ބުރޯ.. ވިއްސާރަކަން ވެސް އެނގޭ..މީ، ވަރަށް ބޮޑު ކަމަކު މިގެއަށް ޖައްސާލަބަލަ ވަރަށް އަވަހަށް” މަހުދީ ފޯނު ނެގުމާއެކު، އިޔާންގެ ދުލުން ބަސްތައް ބޭރުވީ ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށެވެ. އިޔާންގެ އަޑުގައި ހުރި ހާސްކަމާއި ނުތަނަވަސްކަމުން، ކަމެއް ވަރަށް ބޮޑަށް ގޯސްވެއްޖެކަން މަހުދީއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އެހެންކަމުން، އިތުރު ސުވާލަކާ ނުލައި، އަންނާނެ ކަމަށް ބުނެ މަހުދީ ފޯނު ކުރުކޮށްލިއެވެ.
ވިޝާމްއިން ސޯފާގެ ހުސް ޖާގައިގާ އިޔާން އިށީންދެލިއެވެ. ދޭތެރެއަކުން ވިޝާމްއަށް ކަޅިއެއްދެއެވެ. ނަމަވެސް، އޭނާގެ މޫނުމަތިން ފެންނަ މޮޅިވެރިކަމުން ވާހަކަ ދައްކަން ނުހަދާ އިޔާން މަޑުކޮށްލީ މަހުދީ އަންނަންދެންނެވެ. އޭނާއަށް އާދެވުނީ ތިރީހަކަށް މިނެޓު ހިނގިފަހުންނެވެ. އަދިވެސް ވިއްސާރަ ނުހުއްޓާތީ މަހުދީ ހުރީ ފުދޭވަރަކަށް ތެމިފައެވެ. ތަފްސީލަށް ނުގޮސް، އިޔާން ކުރުގޮތަކަށް ހަދަންވީ ގޮތް ބުނެދިނުމުން މަހުދީ އެ މަސައްކަތް ފެށިއެވެ.
މަހުދީ ފެށީ ‘އޭއައި’ މެދުވެރިކޮށްގެން މަންޒަރުތައް އިތުރަށް ސާފްކުރާށެވެ. އެއީ އިޔާންއަށްވެސް ނޭނގޭ މަސައްކަތެއް ނޫނެވެ. ނަމަވެސް، މިފަދަ ނާޒުކު ދަނޑިވަޅެއްގައި އޭނާ ބޭނުންވީ އެކަމަށް އެންމެ ގާބިލު މީހެއްގެ އެހީތެރިކަމެވެ. ގަޑިއެއްހާއިރުގެ ބުރަ މަސައްކަތަށްފަހު، މަންޒަރުތައް ސާފުވެގެން އައި އިރުވެސް، ފެންނަން އޮތް ހަގީގަތަކަށް ބަދަލެއް ނައެވެ. އެއީ ހަމަ އެ ގަދަ ނޫކުލައިގެ ހެދުމެވެ. މޫނުބުރުގާގެ ނިވަލުގައި އެހުރީ ޝާއިރާކަން، އިތުރު މީހަކު ބުނެދޭން ނުޖެހޭ މިންވަރަށް އިޔާންއަށް ވެސް އަދި ވިޝާމްއަށް ވެސް ޔަގީންވިއެވެ. ފޯނުން އިތުރު ފޮޓޯއެއް ހޯދާލުމަށްފަހު ވިޝާމް ދައްކާލިއެވެ. އެއީ މަންހާއާއި، ޝާއިރާއާއި، މަހާގެ އިތުރުން އާމިލާ އެކުގައި ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ޝާއިރާގެ ހެދުމުގެ ކުލައާއި، އޭނާގެ ދެލޮލުގެ ކުލަވަރު މާ ސާފުކޮށް ފެންނަން އޮތެވެ.
ހަގީގަތުގެ ހިތިކަން އިހުސާސްވުމާއެކު، އިޔާންއަށް ސޯފާގެ ލެނގޭ ބަޔަށް ހަށިގަނޑު ދޫކޮށްލެވުނެވެ. ބޯހާސްވެ، މާޔޫސްވީވަރުން އޭނާއަށް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. ޝާއިރާގެ ހިތްނުބައިކަން ކުރިންވެސް އެނގުނު ނަމަވެސް، އަމާޔާގެ ކަންތަކުގައި އޭނާ މިހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަކަށް ހިތަކަށްވެސް ނާރައެވެ. ކުޑަކޮން ވެސް ޝާއިރާގެ އަތެއް ވެދާނެ ކަމަކަށް އިޔާންއަކަށްވެސް ގަބޫލެއް ވެސް ނުކުރެވެއެވެ.
އަމިއްލަ ލެޔަށް ޝާއިރާ ބޭވަފާތެރިވީ ކޮން ސަބަބަކާ ހުރެބާވައެވެ؟ އާމިލާގެ ހެޔޮކަން އެއީ އިޔާންއަށް އޮޅޭނެކަމެއް ނޫނެވެ. ޝާއިރާއާއި ހެދި އާމިލާ އުޅެމުންދާ ގޮތް ހުދު އޭނާއަށްވެސް ފެނެއެވެ. ދެން ހުރީ ސޯދިގެވެ. ކާރުގެ ތެރޭގައި ސޯދިގު އިނުމުން އިޔާން ސިހުނެވެ. ހައިކަލްއާއި ސޯދިގުގެ މެދުގައި ދުޝްމަނުކަމެއް އޮތް ނަމަވެސް، ކުޑަކުޑަ ކުއްޖަކަށް އެފަދަ ބޮޑު އަނިޔާއެއް ދޭން ސޯދިގަށް ކެރުނު ގޮތަކާ މެދު އޭނާ ހައިރާންވިއެވެ. އަމާޔާ އަކީ ހަމައެކަނި ކުޑަ ކުއްޖެއް ވެސް ނޫނެވެ. އެއީ ސޯދިގްގެ ވެސް އާއިލާއެވެ. އެއް ލެއެކެވެ. އެ އަންހެންކުއްޖާ ފޮރުވައިގެން ގެންގުޅެފައި މުޅިން ހިލޭ ބައެއްގެ އަތްމައްޗަށް ދޫކޮށްލީއެވެ. އެވެސް ރާއްޖެއާއި އެތައް މޭލު ދުރެއްގައި އޮތް ބޭރު ގައުމެއްގެ، އަނިޔާ ވެރިކަމުން ހައްދު ފަހަނައަޅާފައިވާ ބައެއްގެ އަތްމައްޗަށެވެ.
ހައިކަލް ހުށަހެޅި މައްސަލަތައް ސޯދިގު ބޭރުކޮށްލި ސަބަބު މިހާރު މިއޮތީ ފެންނާށެވެ. މިހުރިހާ ދުވަހަކު، އިޔާން ހީކޮށްގެން ހުރީ އާމިލާއާއި ކައިވެނި ނުކުރެވުމުން އެކުގެ ބަދަލެއް ގޮތުން ސޯދިގް އެ މައްސަލަތައް ބޭރުކޮށްލީ ކަމުގައެވެ. ނަމަވެސް މީހުންގެ ލޯމައްޗަށް ވަންހަނާވެ ސޯދިގު މިވަނީ މާ ނުބައި ޖަރީމާއެއް ހިންގާފައެވެ.
“ދެން ހުރީ ކޮން ފޫޓޭޖްތަކެއް؟” މަހުދީ އަހާލިއެވެ. އިޔާން ލޮލުގެ އިޝާރާތުން ދައްކާލީ ވިޝާމްއެވެ. އިޔާންއަށް އެވަގުތު އެވަރު ފުދުނީއެވެ. އެންމެ ގާތް އެކުވެރިޔާގެ މޮޅިވެރިކަން ފެނި، އިޔާންގެ ހިތަށްވެސް ދިޔައީ އިންތިހާއަށް އުނދަގޫވަމުންނެވެ. އަނެއްކޮޅުން އަމީރާއާއި މެދު ވިސްނިފައި ހިތުގައި އުފެދުނު އިހުސާސްތަކުން، އޭނާގެ ދެލޯވެސް ދިޔައީ ފެންކަޅިވަމުންނެވެ. އެކަނިވެލަން ބޭނުންވެފައި އިންކަން ވިސްނިގެން، މަހުދީވެސް މާދަމާ އޮފީހުން ބައްދަލުވާނެ ކަމަށް ބުނެ އެގެއިން ނުކުމެގެން ދިޔައެވެ.
ފަހަރަކު ހަގީގަތެއް ނިއުޅެމުން ގޮސް، މުޅި މަންޒަރު އިޔާންގެ ސިކުނޑީގައި ކުރެހިއްޖެއެވެ. އެ ވާހަކަތައް ވިޝާމްއާ ހިއްސާކުރަން ބޭނުންވި ނަމަވެސް، ވިޝާމް އިސްޖަހާލައިގެން އިން ގޮތުން އިޔާންގެ ހިތަށް އަސަރުކުރިއެވެ. އެ ދެލޮލުން ތެތްކަން ނުފިލައެވެ. މުޅިމޫނު ރަތްވެފައިވީ އިރު މާޔޫސް ކަމާއި އުދާސްކަމުގެ ސާލަކުން މުޅި ނަފްސު ބައްދާލާފައި ވާފަދަ އަސަރު ތަކެއް ފެންނަމުން ދިޔައެވެ. ބަހެއް ބުނުމުގެ ބަދަލުގައި، އޭނާ ވިޝާމްގެ ކޮނޑުގައި ފިރުމާލަ ފިރުމާލަ އިނީއެވެ. އިރުކޮޅަކުން ވިޝާމް މަޑުމަޑުން ތެދުވިއެވެ.
“ހިނގާ، މަ ޑްރޮޕް ކޮށްލަ ދޭނަން”ވިޝާމްގެ ހާލަތު ހުރި ގޮތުން އޭނާ އެކަނިހާލަށް ކާރު ދުއްވަން ދޫކޮށްލާކަށް ނުކެރުނެވެ. ވިޝާމްގެ އަތުން ތަޅުދަނޑި އަތުލަމުން އިޔާން ވެސް ފަހަތުން ހިނގައިގަތެވެ.
****
ރޭގެ ވާރޭއަށް ފަހު އާ ހެނދުނަކަށް ކުރިމަތި ލީ އިރުވެސް ކޮންމެވެސް ވަރަކަށް ވިއްސާރައިގެ ކުލަވަރު އުޑުމަތިން ފެނެއެވެ. ބަނަކޮން އޮތް އިރު، އިރުގެ އަލިކަމެއް ނުވެއެވެ. ނަމަވެސް ވާރޭގެ އަސަރެއް ނުކުރެއެވެ. ސަދަފް އިނީ ގޭގެ ޓެރެސް މަތީގައެވެ. ގާތުގައި ހައިކަލް އިން އިރު އަތުގައި އިން އައިޕެޑުން ދިޔައީ އޮންލައިން ނޫސްތައް ބެލުމުގައެވެ. އެއީ ހައިކަލް ކޮންމެ ދުވަހެއްގެ އާދައެވެ. އޮފީހަށް ދިޔުމުގެ ކުރިން ދުނިޔެއާއި ރާއްޖޭގެ މަސްރަހުގައި ހިނގާ ކަންކަން އެހެން ބަލަން އިނދެއެވެ. އެއިން ފެންނަ ޝައުގުވެރި ހަބަރުތައް ސަދަފްއަށް ވެސް ކިޔައިދެމުން ދިޔައެވެ.
“މިހާރު ހާދަ ވަރަކަށް ކުއްލި މަރުތައް ގިނަވެއޭ ދޯ” ހައިކަލް ކިޔަމުން ދިޔަ ހަބަރަކާއި ގުޅިގެން ސަދަފް ބުނެލިއެވެ.
“އާން ދަރިފުޅާ.. މިހާރު ވަރަށް އާންމު ކަމަކަށް ވެއްޖެ.. އަދި ޒުވާނުން ގިނައީ.. ކުޅެން ދަނޑުމަތިގަ ހުއްޓަ ނޫނީ މޫދުގަ އުޅެނިކޮން … ދެން މަސައްކަތުގަ މާހައުލުގަ އުޅެނިކޮން.. މިކަހަލަ ކޮންމެވެސް ހަބަރެއް މިހާރު އަބަދުވެސް ފަލަ ސުރުހީގަ މި އިންނަނީ” ހައިކަލް ދޫކޮށްލީ ފުން ނޭވާއެކެވެ.
“ކޮބާ މިހުރީ ކޮފީ..” އާމިލާ އެތެރެއަށް ވަނީ ތަބަކެއް ހިފައިގެންނެވެ. އޭނާ ފެނުމުން ހައިކަލް އައިޕެޑް ލައްޕާލިއެވެ.
“ދަރިފުޅަކަށް ނުބޮވޭނެ ކޮފީއެއް އެނގޭ… ވާރެއާ ތެމުނު ގޮތައް ރޯގާ ވެ އެއްކޮން ރަތްވެފަ ތި އިނީ.. ” ހައިކަލްއަށް ކޮފީ ތައްޓެއް ދިއްކޮށްލަމުން، ސަދަފްއަށް އަށް އާމިލާ ދިއްކޮށްލީ އޮރެންޖް ޖޫސް ތައްޓެކެވެ. ނޭފަތުގައި ޓިޝޫ ޖައްސާލައިގެން އިންގޮތައް ސަދަފް ތުންފިއްތާލުމުން އާމިލާއާއި ހައިކަލްއަށް ހެވުނެވެ.
“މަންމަ ތިއުޅެނީ މިއޮތް ހެނދުނާ މަ ހޮޑުލައްވަންތަ.. ނޯ ނޯ” ސަދަފް އެތަށީގައި ހިފާފަ ވެސް ބެހެއްޓިއެވެ.
ސަދަފް މޭޒުމަތީގައި ބެހެއްޓި ޖޫސްތަށި އަލުން ނަގާފައި ހައިކަލް ދިއްކޮށްލުމުން ޒާތަކަށް އަނގަ ހަދައިގެން އިނދެ ވެސް އޭގައި ތުން ޖަހާލިއެވެ. ސަދަފްގެ އެއަމަލުން ދެމީހުންގެ ގާތައް މިފަހަރުވެސް އައީ ހިންޏެވެ.
“ކޮބާ ތިއްތިބެ މިއަދު؟”
“ތިރީގަ ވެއްޖެ.. ބައްޕައާއި މީޓު ކޮށްލަން އިޔާ އަންނަ ވާހަކަ ބުނީމަ އެހެންވެ އެދިޔައީ” އާމިލާ ބުނެލިއެވެ.
”އިޔާން؟ މިގަޑީގަ؟ މި އޮތް ހެނދުނާ އަނެއްކާ ކިހިނެތް ވީބަ؟” އާމިލާގެ ޖަވާބުން ނިތައް ރޫ އަރުވާލައިގެން އިނދެ ސަދަފް އެއްސެވެ. ހައިކަލް ޖަވާބުދޭން އަނގަ ހުޅުވާލަފައި ވެސް، ވިޝާމްއާއި އެކު ޓެރެހަށް ވަދެގެން އައި އިޔާން ފެނި ހީލާފައި އިށީންނުމަށް ބުނެލިއެވެ.
“އޯކޭ ވާނެ… ޔޫ ކޭން ޓޯކް” އާމިލާ އެތަނުގައި ހުރުމުން އިޔާންގެ މޫނުމަތިން ފެނުނު ޖެހިލުންވުން ފާހަގަކުރެވިގެން ހައިކަލް ބުނެލިއެވެ. އިޔާން މަޑުމަޑުން ބޯޖަހާލުމަށްފަހު، ހައިކަލްގެ ގާތުގައި ހުރި ގޮނޑީގައި އިށީނދެ، އޭނާ ގެނައި ފައިލް ދިއްކޮށްލިއެވެ. ހައިކަލް އެ ފައިލް ހުޅުވަން އުޅުމުން، ވިޝާމް އިޝާރާތްކޮށްލީ އަދި މަޑުކޮށްލުމަށެވެ.
“މީ..މި؟” ހައިކަލް ހައިރާންވެ ހުރެ އަހައިލިއެވެ.
އިޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ. ހަގީގަތުގައި އޭނާ ބޭނުންވީ ހައިކަލްއާ އެކަނި ބައްދަލުކުރާށެވެ. ރޭގެ ހާދިސާއަށްފަހުވެސް، އިޔާން ދައްކަން މިއުޅެނީ ސީދާ ކޮން ވާހަކައެއްކަން ވިޝާމްއަކަށްވެސް ނޭނގެއެވެ. ހައިކަލްއާ ބައްދަލުކުރުމަށްފަހު، އޭނާ ދައްކަން އައި ހުރިހާ ވާހަކައެއް ވިޝާމްއާއި ވެސް ހިއްސާކުރާނެ ކަމަށް އިޔާން އޮތީ ބުނެފައެވެ. އިރުކޮޅެއްގެ މަޑުޖެހުމަކަށްފަހު، ރޭގައި ވިޝާމް ކިޔައިދިން ވާހަކަ ތަކަށް ބަލާފައި އިޔާން ވާޙަކަ ދައްކަން ފެށިއެވެ.
“މީ ..ބައްޕަ ..ބައްޕަ ކިޔައިދިން ސޯދިގް އާއި ހައިކަލްބޭގެ ވާހަކަ.. ޑޯންޓް ބީ ޝޮކްޑް..” ދައްކަން ބޭނުންވި ގިނަ ވާހަކަތަކެއް ހިތުގައި ހުރި ނަމަވެސް، އިޔާންގެ ދުލުން ބޭރުވީ އެ މަދު ބަސްކޮޅެވެ. އެއަށްފަހު، އޭނާ އިޝާރާތްކޮށްލީ ފައިލް ހުޅުވާލުމަށެވެ. އެވަރު ބުނެދިނުމުންވެސް ހައިކަލްއަށް ކަމުގެ ނާޒުކުކަން ވިސްނޭނެކަން އިޔާންއަށް އެނގެއެވެ. ސޯދިގުގެ ނަން އިވުމާއެކު ހައިކަލްއާއި އާމިލާގެ މޫނަށް އަރާ ފޭބި ސިހުމުގެ ކުލަވަރު އިޔާންއަށް ވަރަށް ރަނގަޅަށް ފާހަގަކުރެވުނެވެ.
ހައިކަލް އެ ފައިލަށް ފުން ނަޒަރެއް ދިނުމަށްފަހު، ފަހަރަކު ގަނޑެއް އުކަމުން ދިޔައެވެ. އެންމެ ފަހު ގަނޑާއި ހަމައަށް ދެވުނުތަނާ، ހައިކަލްގެ މުޅި ހަށިގަނޑަށް ހުއްޓުން އެރިއެވެ. އޭނާ އަވަސްއަވަހަށް ކުރީގެ ގަނޑުތައް އަލުން ބަލަން ފެށީ، ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައިވާ ފަދަ ގޮތަކަށެވެ.
“ސޯދިގް؟ ” ހައިކަލްގެ އަނގައިން ލަސްލަހުން ނުކުތެވެ.
ހައިކަލްއާއި އެކު ފައިލުގައިވާ ލިޔެކިއުންތަކަށް ނަޒަރު ހިންގަމުން ދިޔަ އާމިލާގެ މޫނުމަތިން ފެނުނީ ބުނެދޭން ނޭނގޭ ފަދަ ބިރުވެރިކަމެކެވެ. ފެނުނު ހަގީގަތަކުން އޭނާގެ މޫނުގެ ކުލަ އެކީ ހުދުވެ، ހިތުގެ ތަޅުން އަވަސްވެގެން ދިޔައެވެ. އިރުކޮޅެއްގެ ބަރު ހިމޭންކަމަކަށްފަހު، ނުތަނަވަސްކަމުން ފުރިގެންވާ ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ މަޑުމަޑުން ހައިކަލްގެ އަތުގައި ހިފާލީ ހިތްވަރު ހޯދާ ފަދަ ގޮތަކަށެވެ.
“ދައްކަބަ ތި ކޯއްޗެއް ބައްޕާ؟” ސަދަފް ވެސް ޝައުގުވެރިވީ ވަރުން ހައިކަލްއާއި ގާތްވެ ފައިލް އަތުލައިފިއެވެ.
“ރިޖެކްޓެޑް ކޭސް” އެންމެފަހުން އެއީ ކޯއްޗެއްކަން ސަދަފްއަށް ނަގައިގަނެވިގެން ހައިކަލްއާއި ދިމާ ބަލާލައިފިއެވެ. ދެން ބަލައިލީ ވިޝާމްގެ މޫނަށެވެ. އެއީ އޭނާއަށް އެނގޭ ހަބަރަކަށް ވީ ނަމަވެސް ފައިލް އަލުން ހައިކަލްގެ އަތައް ދިނެވެ. އޭގައި ހިފަން ވެސް ނޭނގިފައި ހައިކަލްއަށް ހުރެވުނީއެވެ. އާމިލާއާއި ހައިކަލްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ މާޔޫސް ކުލަވަރު ފެނި ހިތުގައި ރިއްސާލިއެވެ.
ހައިކަލްއަށް ވެފައި ހުރިގޮތުން ސަދަފްއަށް އޭނާގެ ކޮނޑުގައި އަތް ޖައްސާލެވުނެވެ. ހައިކަލްގެ އާއިލާއަށް ވީ ނަމަވެސް އެއީ އެއްވެސް ގުޅުމެއް އެ އާއިލާއަކަށް ބާއްވާ މީހެއް ނޫނެވެ. ކޮންމެ ވެސް ވަރަކަށް ހައިކަލްއާއި ސޯދިގް ދެމެދުގައި ހިނގި ކަންތައް އެނގިފައިވާތީ އަބަދުވެސް ފޫހިވިއެވެ. ހާއްސަ ގޮތެއްގައި އަމާޔާގެ ކަންތަކުގައި ސޯދިގުގެ އަތައް ޥާކަމަށް ވިޝާމް ބުނެދިން ދުވަހުން ސުރެން އެ ފޫހިކަން ވަނީ ގަދަ ރުޅިވެރިކަމަށް ވެސް ބަދަލުވެފައެވެ. އެގެއަށް އޭނާ ނާންނަތާގައި އޭނާގެ ނަމަކީ އެއްވެސް ވަރަކަށް އިވޭ ނަމެއް ވެސް ނޫނެވެ. މިހުރިހާ އަހަރެއް ވަންދެން ވެސް އުޅުނީ މާ ބޮޑަށް ސޯދިގް ނުފެނިއެވެ. މަގުމަތިން ފެންނަ މަދުފަހަރަކު، ހައިކަލް ނޫނީ އާމިލާ ފެންނަން ނެތްނަމަ އޭނާއަށް ސޯދިގް ގޮވާލާ އުޅުނު ނަމަވެސް، އެއަށް ވުރެން ބޮޑު ގުޅުމެއް ނޯވެއެވެ.
”ހޫމް ރިޖެކްޓެޑް ކޭސް.. އަމާޔާގެ ކޭސްގަ ބޭބެ ފައިލް ކުރި ހުރިހާ ޑޮކިއުމަންޓެއް ރިޖެކްޓް ކުރީ، ސޯދިގް.. އެކަމަކު އޭރު ސޯދިގަކީ އެފަދަ ނިންމުމެއް ނިންމޭނެ ފަދަ މަގާމެއްގައި ހުރި މީހެއް ނޫން. އޭނާގެ ވަޒީފާގެ ކުރިއެރުންތަކާއި މައްސަލަ ހުށަހެޅި ތާރީހުތަކަށް ބަލާއިރު، މިކަން ކުރެވެން އޮތީ ހަވަނަ ފަހަރު މައްސަލަ ހުށަހެޅި ހިސާބުން… އެހެންވީމަ ފުރަތަމަ ފަސް ފަހަރު މައްސަލަ ބޭރު ކޮށްލާފަ މިވަނީ ނުހައްގުން.. ސޯ..” އިޔާން ކިޔައިދެމުން ދިޔައީ އޮޅުމެއް ވެސް ނާރާނެހާ ސާފްކޮންނެވެ.
“ދެން އެބައިން އެހެން އަޕްޑޭޓެއް ވެސް.. އެކަމަކު ފުލުހުންގެ އިސް މަގާމެއްގަ ހުރެފަ އަދި އަމުދުން ބޭރުކުރަންވާނެ މައުލޫމާތެއް ނޫން އަދި.. އެކަމަކު ފަހަރެއްގަ މިވާހަކަ ބުނެގެން ވެސް އަހަރެމެންގެ މަސައްކަތައް ފަސޭހަވާނެ ގޮތެއް ފެނިދާނެ ކަމައް ބަލާފަ މިބުނެދެނީ..އެކަމަކު މިތަނުން ބޭރު ނުކުރައްޗޭ މިވާހަކަ” އެއާއިއެކު ހައިކަލްއާއި އާމިލާގެ މޫނުމަތިން ފެނުނީ ޝައުގުވެރިކަމެވެ. ހައިކަލް ބޯޖަހައިލަމުން ކުރިޔަށް ގެންދިޔުމަށް ބުނެލިއެވެ.
އިޔާން ބުނެދިނީ ސެކިއުރިޓީ ކެމެރާތަކުން ފެނުނު މަންޒަރުގެ ވާހަކައެވެ. އެގޭގަ ހުރި ކެމެރާތަކުން ނެގި މަންޒަރުތަކުން މާ މުހިއްމު ކަމެއް ނުފެނުނު ވާޙަކައާއި ފުލުހުންނަށް ލިބިފައިވި، މަގާވީ ފަރާތުގައި ހުރި ކެމެރާގެ ވާހަކަ ބުނެދިނެވެ.
ވަރަށް ވިސްނާފައި ސޯދިގު ފޮރުވައިގެން ގެންގުޅުނު ކެމެރާ މަންޒަރުތަކުގެ ވާހަކަ ނުބުނެ އިޔާން ދޫކޮށްލިއެވެ. އެވާހަކަ ބުނެފާނެތީ ވިޝާމް ވެސް އިޝާރަތަކުން އެކަން އަންގާލިއެވެ. ވިޝާމްއަށް ހަމަޖެހުމަށް ބޮލުން އިޝާރާތް ކޮށްލަމުން އިޔާން ވާހަކަ ދެއްކިއެވެ.
“އެ މަންޒަރުތަކަށް ބަލައިލީމަ އެނގިއްޖެ އެއާއި ބަޔަކު ކުޅެފަ ހުރިކަން .. ވީޑީއޯ އިން ބައެއް މަންޒަރުތައް ވަނީ ކަނޑާފަ.. ކުއްލިއަކަށް ވީޑިއޯއަށް ފުސްކަމެއް އައިސް ދެން ހަމަ ކުއްލިއަކަށް ސާފް ވެގެންދަނީ.. ވީޑިއޯގެ މެދު ތެރެއިން ވެހިކަލެއް ވެސް ފެނޭ، އެކަމަކު ވަކި ހިސާބަކުން އެ އަށް ވެސް ވާނުވާއެއް ނޭނގި ގެއްލޭ.. މިއީ އެއިން ފެނުނު ކަންތައް.” އިޔާން ބަލައިލީ ހައިކަލް އެއްޗެއް ބުނަން އުޅުނު ހެން ހީވެގެންނެވެ.
“އެދުވަހު އާއިލާގެ އެންމެން ތިބީ ނަފްސާނީ ގޮތުން އެކީ ބަލިކަށިވެފައި. ކަމެއް ކުރާނެ ހިތްވަރު ނެތިފައި ތިއްބާ، މައްސަލަ ހުށަހެޅުމުގެ ހުރިހާ ކަމެއްގައި އިސްކޮށް އުޅެދިނީ ޒައީމް. ޝާއިރާގެ ކުރީގެ ފިރިމީހާ. އޭނާ ބުނީ ގޭގެ އެހެން އެއްވެސް ކެމެރާއަކަށް އަމާޔާ ނާރާ ކަމަށް. ހަމައެކަނި ފެންނަން ހުރީ ގޭޓު ކެމެރާއަށް އެކަނި ކަމަށް އޭނާ ބުނީ،” ހައިކަލްގެ އެ ޖަވާބުން ސިހުނު ވަރުން އިޔާންއަށް ބަލާލެވުނީ ވިޝާމްގެ މޫނަށެވެ. ވިޝާމްގެ މޫނުމަތިންވެސް ފެންނަން ހުރީ އެފަދަ ކުލައެކެވެ.
“ޒައީމްއޭ؟” އިޔާންއާއި ވިޝާމަށް އެކުއެކީގައި އަހާލެވުނެވެ. އެއީ ވިޝާމްއަށް ވެސް އާ ހަބަރެކެވެ.
“ބައްޕައެއް ނޫންތަ މައްސަލަ ފައިލް ކުރީ؟” ސަދަފްވެސް ހައިރާންވެފައި، އާމިލާއާއި ހައިކަލްގެ މޫނަށް ވަކިވަކިން ބަލަމުން ދިޔައީ އެ ސުވާލުގެ ޖަވާބު ހޯދުމުގެ އުންމީދުގައެވެ.
“ލިޔެކިއުންތައް ހިފައިގެން ފުލުސް އޮފީހަށް ދިޔައީ ބައްޕަ. އެކަމަކު ހުރިހާ ލިޔެކިއުންތަކެއް ހަމަކޮށް، ކެމެރާގެ މަންޒަރުތައް އެއްކޮށްދިނީ ޒައީމް. އެއީ އެންމެ ފުރަތަމަ މައްސަލަ ހުށަހެޅި ދުވަހު. އޭގެ ފަހުން ބައްޕަ އަމިއްލައަށް މިކަމުގައި މިއުޅެނީ. ޒައީމަކީ ވަރަށް ހިތްހެޔޮ މީހެއް. ބައްޕައަށް އިތުބާރު އޮވޭ އޭނައާއި މެދު.. އެހެންވެ އޭނާގެ އަތްމައްޗަށް އެކަން ދޫކޮށްލައިގެން ހުރީ.. ޒައީމް ބުނިހެން ބައްޕަ ފަހުން ބެލި ބެލުމުން އެނގުނު އެހެން އިތުރު އެއްވެސް ކެމެރާއަކަށް އަމާޔާގެ އެއްވެސް މަންޒަރެއް އަރާފަ ނެތް ކަން” ޒައީމަށް ކުރާ އިތުބާރު ހައިކަލްގެ ކޮންމެ ބަހަކުން ހާމަވަމުން ދިޔައެވެ. އެހެނަސް، އިޔާންގެ ހިތުގައި ކުނި ޖެހިއްޖެއެވެ. ރަނގަޅަށް ވެސް ހިތުގައި ޝައްކުގެ އޮތް އިންދިއްޖެއެވެ. ރޭގައި އެނގުނު ހަގީގަތުން ޒައީމްގެ އަތެއް އަދި ފެނިފައި ނުވީ ނަމަވެސް، ވިޝާމް ކިޔައިދީފައިވާ ވާހަކަ ތަކައް ބަލާފައި ޒައީމްގެ އިޙްލާސްތެރިކަމާއި މެދު ސުވާލް އުފެދުނެވެ.
“މިއީ އަދި މިހާތަނަށް ލިބުނު މައުލޫމާތަކީ. މައްސަލަ ލަސްވާން ދިމާވާ ސަބަބަކީ ސޯދިގުގެ ނުފޫޒު އޭގެ ތެރެއަށް ވަންނާތީ. އިތުރު ތަފްސީލެއް ލިބުނުހާ އަވަހަކަށް އަންގާލާނަން” ފައިލް މޭޒުމަތިން ނަގަމުން އިޔާން ބުނެލިއެވެ. އޭރު ހައިކަލް އިސްޖެހިފައި އިން އިރު ، އިޔާންގެ ވާހަކައަށް ބޯޖަހައިލީ އާމިލާއެވެ.
އިޔާން އެތަނުން ބޭރަށް ނުކުންނަން ދިޔަ ހިނދު ފަހަތުން ވިޝާމް އާއި ސަދަފް ވެސް ނުކުތެވެ.
“ވަޓްސް ގޮއިން އޮން؟ އެނީ އަޕްޑޭޓް؟ ކިހިނެތް ވީ ސޯދިގްގެ އެވާހަކަ ބައްޕައަށް ތި ބުނެދިނީ؟” ހައިކަލްމެންގެ ލޯމަތިން ފެޔަށް ޖެހިލެވުމާއި އެކު، ކެތްތެރިކަން ކުޑަވެފައި ހުރި ސަދަފް އަހާލިއެވެ.
އޭރު އެމީހުން ތިބީ ސިޑި ކައިރީގައެވެ. ވިޝާމް އެއްޗެއް ބުނަން އުޅުނު ވަގުތު، ސިޑިން މައްޗަށް އެރި އާޝިއުއާއި މަންހާ ފެނި އޭނާގެ އަނގަ ލެއްޕުނެވެ. ހިތުގެ އެންމެ ފުނުގައި އުފެދުނު ރުޅިވެރިކަމުގެ އޮއިވަރު މުޅި ހަށިގަނޑުގައި ހިލިގަތެވެ. އެހެނަސް ކެތްތެރިކަން އިސްކުރެވޭތޯ ބަލަމުން، އެމީހުންގެ ކުރިމަތިން ދިއުމަށް އުޅުނެވެ.
އެކަމަކު، ކުރިއަށް އެޅުނީ ދެ ފިޔަވަޅެވެ. އެމީހުންގެ ފަހަތުން ސިޑިން މައްޗަށް އަރައިގެން އައި ޝާއިރާ ފެނުނީއެވެ. ވިޝާމްގެ ހަމަބުއްދި އަމިއްލަ ބާރުން ނެއްޓިގެން ދިޔަ ކަހަލައެވެ. އުފެދުނު ޖަޒުބާތުތައް މަތަކުރުމުގައި ކާމިޔާބެއް ނުލިބުނެވެ. ރުޅިވެރިކަމުގެ ގަދަ އަލިފާނުން، އޭނާގެ މުޅި ހަށިގަނޑުން ހޫނު އާވިއަރަމުން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ޝާއިރާގެ ވިހަ ސޫރަ ފެނުމުން ހިނދުކޮޅަކަށް ވެސް ކެތް ނުކުރެވުނީއެވެ. ބާރު ހަލުވި ފިޔަވަޅުތަކެއްގައި ސިޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. ވިޝާމްއަށް ވީގޮތް ނަގައިގަނެވިގެން ތެޅިގަނެފައި އިޔާންއާއި ސަދަފް ހުއްޓުވަން އުޅުނު ނަމަވެސް، މަޑުޖެހިލީ ދުވެލާފައި އައިސް މަޑުކޮށްލި ޒަންޔާ ފެނިފައެވެ.
“ވިޝާމް!”
އެމީހުންނާއި ދާދި ގާތައް ދެވުނު ފަހުން ޒަންޔާގެ އަޑު އޭނާގެ ކަންފަތައް އިވިލިއެވެ. ޒަންޔާގެ މަޑު އަތްތިލި ވިޝާމްގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފާލިއެވެ. އެއާއިއެކު ވިޝާމްއަށް، ޒަންޔާގެ މޫނަށް ވެސް ބަލައިލެވުނީ ރަތްވެފައިވާ ދެލޮލަކާއިއެކުއެވެ. ނަމަވެސް އާދޭސްކުރާ ފަދައަކުން ޒަންޔާ ދެ ފަރާތައް ބޯހޫރުވާލިތަން ފެނި ހުއްޓެން މަޖުބޫރުވީއެވެ. އެ ދެލޮލުން ފެނުނު ބިރާއި ސިހުމުން ވިޝާމްގެ ރުޅިގަނޑު ވެސް ފިނިވާ އަތައް އެޅިއެވެ.
“ޑޯންޓް ޑޫ ދެޓް، ވިޝާމް! ދެޓް ވޯޒް އޭން އެބްސަރޑްލީ ފޫލިޝް ތިންގް ޓު ޑޫ!” ހަމައެކަނި ވިޝާމްގެ ކަންފަތައް އިވޭވަރަށް ޒަންޔާ ބުނެލިއެވެ. ޔުމާންއާއި ނާޔާގެ ފަހަތުން ޒަންޔާ ވެސް މައްޗަށް އެރީ ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ. އިއްތިފާގުން ނަމަވެސް އެވަގުތު އާދެވުނު ކަން އެއީ ނަސީބެކޭ ހިތައް އެރިއެވެ. ވިޝާމް އައި ގޮތުންވެސް އޭނާގެ ހަވަނަ ހިއްސު އިންޒާރު ކުރިއެވެ. ޒަންޔާއައީ ވެސް ދުވެލާފައެވެ. އެކަމުގެ ސަބަބުން ދޮން މޫނުގައި ދާތިކިތައް ބަބުޅަމުން ދިޔައެވެ. ބަލައިލި އިރު މަންހާއާއި ޝާއިރާވެސް ސިހިފައި ބަލަހައްޓައިގެން ތިއްބެވެ. އޭރު އާޝިއު ފެންނަން ވެސް ނެތެވެ. އެކަމަށް ފަރުވާލެއް ނުދީ ޒަންޔާ ސިޑީން ތިރިއަށް ފޭބީ ވިޝާމްގެ އަތުގައި ހިފައިގެން އަމިއްލަ ކޮޓަރިއަށް ދިއުމުގެ ނިޔަތުގައެވެ.
“ކިހިނެތް ވީ؟” ޔުމާން ވެސް ހައިރާންވެ ހުރެ އެއްސެވެ.
“މީ..މީ، މަންހާ ފެނުނީމަ ތިއްތިބެ ރުޅި ކޮންޓްރޯލު ނުވީ ކަންނޭގެ.. އަދި އެފަހުން ފެނުނީ ކަންނޭގެ.. ރުޅި އަންނާނެތާ..”ވިސްނާލާފައި ސަދަފް ޖަވާބު ދިނެވެ. އެ ޖަވާބުން ޔުމާން ވެސް ހަމަޖެހުނެވެ. ބޯޖަހައިލިއެވެ. ވިޝާމްގެ ފަހަތުން ދާން އުޅެފައި ވެސް ޔުމާން ވެސް ނާޔާއާއި އެއްކޮން ޓެރެހަށް ނުކުތީ ވިޝާމް، ޒަންޔާއާއި އެއްކޮން ކޮޓަރިއަށް ދިއުމުން މިވަގުތު ދިއުން ރަނގަޅު ނުވާނެކަން ވިސްނިގެން ކަންނޭގެނެވެ. އެވެސް ނަސީބެކޭ ސަދަފް ހިތައް އެރިއެވެ.
“ކޮފީ އެއް ބޯން ދަމާ” އިޔާންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ސަދަފް ބޯޖަހައިލުމުން އިޔާން ހިނގައިގަތެވެ. ދަމުން ޒަންޔާއަށް މެސެޖެއް ކޮށްލީ، މިއަދު ވިޝާމް އޮފީހަށް ދިޔަނުދީ ގޭގައި ބެހެއްޓުމަށް ނަސޭހަތްތެރިވެފައެވެ. އެތަނުން މަންހާ ނުވަތަ ޝާއިރާ ފެނިއްޖެނަމަ ވާނެގޮތެއް އަންތާޒާ ވެސް ނުކޮށްލެވެއެވެ. ގައިމުވެސް ސަދަފް އަދި އޭނާއެއް ނުހުންނާނެއެވެ. ދެންމެ ވިޝާމްގެ ރުޅިގަނޑު ހިންދާލި ނަމަވެސް ކޮންޓުރޯލުން ނައްޓައިފިނަމަ ޒަންޔާއަކަށް ވެސް އޭނާ ނުހިއްފެހެއްޓޭނެއެވެ. ވިޝާމްގެ އެ ސިފަ ފެނިފަ ހުރުމުން އެވަގުތު ވެސް އިޔާން ވިސްނަމުން ދިޔައީ އެކަމާއިއެވެ.
އޮފީހަށް ދިއުމަށް، ސަދަފް ތައްޔާރު ވެގެން އައުމުން، އޭނާއާއި އެކު އިޔާން މިސްރާބު ޖެހީ ގޯލްޑެން ފޯކްއަށެވެ. މަންޒިލަށް އާދެވުމުން ކަޅުކޮފީއަކަށް އޯޑަރު ދިނުމުން، މަދު ވަގުތުކޮޅެއްގެ ތެރޭގައި ކޮފީ ލިބޭ ވަރުވިއެވެ. ދެ މީހުންގެ މޫނުމަތިން ވެސް ފެނިގެންދަނީ އުދާސްކަމެވެ. ސަދަފްއަށް ރޭގެ ހާދިސާ އިޔާން ކިޔައިދިނެވެ. އަދި އޭނާގެ ފޯނު ނަގާފައި، ކާރުތެރެއިން ފެނުނު މަންޒަރު ވެސް ދެއްކިއެވެ.
ޝާއިރާއާއި ސޯދިގްގެ މޫނު ފެނުނު ހިނދު ސަދަފްއަށް ވެސް ވެގެންދިޔައީ ވިޝާމްއަށް ވެސް ވެގެން ދިޔަ ފަދަ ގޮތެކެވެ. ވޭނާއި ހިތާމަ އާއި ނަފްރަތުގެ ގިނި އަލިފާނުން ހިތާއި ނަފްސު ހަލަބޮލިވެގެން ދިޔައީއެވެ. އެކުލަވަރު އެ މޫނުން ސާފުކޮން ފެންނަން ހުއްޓެވެ. އެތައް އިރަކު އެ ވީޑިއޯކޮޅު އަޅުވާލަ އަޅުވާލަ ސަދަފް އިނެވެ. އޭނާގެ ރުޅި އިތުރަށް ފުންވެގެން ދާން ފެށުމުން އިޔާންގެ އަތައް ފޯނު ދިނީ، އެ ފޯނު ވެސް އެއްލާލެވިދާނެ ކަމުގެ ބިރު ހީވެފައެވެ.
”މި ހިތައް އަރަނީ ދޮންބެ ކައިރީގަ ނުބުނެ ހުރުން، މީ އިންސާފަކަށް ވެދާނެބާއޭ… ” ކޮފީ ޖޯޑުގައި ތުންޖަހާލަމުން ސަދަފް ދޫށްލީ ފިނި ނޭވާއެކެވެ. އެއަށް ދޭނެ ރައްދެއް ނޭނގުމުން އިޔާން ވަކިއެއްޗެއް ނުބުންޏެވެ. ދެން ވެސް ވާހަކަ ދެއްކީ ސަދަފްއެވެ.
“ހަގީގަތުގައި އެމީ ފެނިގެން އެގާތް ފީލިންގް އެއް އަންނަ ވާހަކަ އެންމެ ފުރަތަމަ ވެސް ދެއްކި މީހަކީ ދޮންބެ.. އެއީ އެއަރޕޯޓުން އެމީ ނަގަން ގޮސް ފެނުނު ވަގުތު.. އެ ސްޓްރޭންޖް ފީލިންގް އައިސްގެން އެ ވާހަކަ ދޮންބެ މަށައް ކިޔައިދިން އެރޭ ގެއަށް އައިސް… އޭގެ މާ ފަހުން މަށައް އެމީ ފެނުނީ.. މަށައް ވެސް ހަމަ އެހެންވީ.. ދޮންބެ ކައިރީގަ ކިޔަން އުޅެފަ ވެސް، ދޮންބެއަށް ވުރެން ކުރިން ތިއްތިބެ ފެނިގެން އޭނަ ކައިރީގަ އެހެން ކީން” ސަދަފް ބުނެލިއެވެ.
“މަށައް ވެސް އުނދަގޫވޭ ދޮންތަބެ އަށް ސިއްރުކޮށްގެން ތިބެން ވީމަ.. އެކަމަކު އަންޑަސްޓޭންޑް ޥާހެން ކިޔައިދޭން ވެސް ހުރީ ތިދެމީހުން.. އެހިތްވަރު ގައިގަ އެބަހުރިތަ؟” އިޔާން އަހައިލިއެވެ.
“ނޫނޭ، އަހަންނަކަށް ނޭނގޭ ކިޔައިދޭނެ ގޮތެއް ވެސް.. ދެން ތިއްތިބެ އެހެރީ އުޅޭ ގޮތް.. އޭނަ މާ ބޮޑަށް ސަކަރާތް” ސަދަފް ވަގުތުން ދެފަރާތައް ބޯހޫރުވާލިއެވެ.
“މްމް، ކިހިނެތް ވާނެ ދޮންތަ ލައްވާ ކިޔައިދޭން.. އެހުރިޙާ ކަމެއް ތަފްސީލާއި އެކު ދޮންތައަށް އީޒީ ވެސް ވާނެ ކިޔައިދޭން.. އަނެއްކޮޅުން އެމީގެ ހުރިޙާ ކަމެއް އެނގޭނެ، މިބުނީ ހޫގޯގެ ވާހަކައިން ފެށިގެން ހުރިހާ ކަމެއް..” އިޔާން ބުންޏެވެ. އެއާއިއެކު ސިހިފައި ސަދަފް ބަލައިލިއެވެ.
“ވަޓް؟”
“ޔާހް، އެމީގެ ޓްރީޓްމަންޓް ފަށަން ވެގެން ދޮންތައަށް ހުރިހާ ކަމެއް ކިޔައިދޭން ޖެހުނީ” އަމީރާ ގޮވައިގެން ހޮސްޕިޓަލަށް ފުރަތަމަ ދިޔަ ދުވަހު ނާޔާއަށް ފެނުނުގޮތް ސަދަފްއަށް އިޔާން ކިޔައިދިނެވެ. ސަދަފްގެ މޫނުމަތިން ހައިރާންކަން ފިލައިގެން ދިޔައިރު މަޑުމަޑުން ބޯޖަހައިލިއެވެ. ނާޔާ މެދުވެރިކޮން ޔުމާންއަށް އެ ވާހަކަތައް ހިއްސާ ކޮށްދޭން އޭނާ ރުހުނެވެ. ނާޔާ ފެނުމުން ވީ އެންމެ އަވަހަކަށް އެވާހަކަ ބުނާނެކަމުގައި އިޔާން ބުނެލިއެވެ. ސަދަފް ހިތްހަމަޖެހުނު ވަރުން ބޯޖަހައިލިއެވެ. ވީޑިއޯ ފެނުމުން، މޫނުމަތީގައި އިރުކޮޅެއް ކުރީން ހުރި އަސަރުތައް އޭރު ވަނީ ކޮންމެވެސް ވަރަކަށް ފަނޑުވެފައެވެ.
“ހޫމް، ދެން އެކަމަކު މިހާރު ދޮންބެއަށް ދޮންތަބެއޭ ތި ކިޔަނީ ކީއްވެތަ؟ ދޮންބެއޭ ކިޔަން ޖެހޭނެ ދުވަސް މިއޮތީ އައިސް ޖެހިފައި،” ކޮފީ ތަށިން ކުޑަ އެތިފޮދެއް ބޯލަމުން، ސަދަފް ލާނެތް ނަޒަރަކުން އިޔާންގެ މޫނަށް ބަލާލިއެވެ. އިޔާންގެ ނަޒަރު އޭނާއަށް ހުއްޓުމާއެކު، ސަދަފް ހިނިތުންވެލަމުން ނަޒަރު ދުރުކޮށްލީ އޭނާގެ މޫނުމަތިން ފެންނަން ހުރި ސަމާސާ ކުލަވަރު އިތުރަށް ދައްލާމުން، ލާނެތް ހިނިތުންވުމަކާއި އެކުގައެވެ. އެ މަންޒަރު ފެނި އިޔާންގެ ގާތަށްވެސް ހިނި އަންނަ ގޮތްވިއެވެ.
“އެހެން ބުނާ މީހާވެސް މަށަށް މިހާރު ދޮންބެ ކިޔަން ފަށަން ވެއްޖެއެއްނު! މާ ނޭނގޭ ކަމަށް ހަދާފައި އިންނާނެ ކަމެއް ނެތް އިނގޭ،” މޭޒުމަތީގައި އިން ކުޑަ ޓްރޭއިން ހަކުރު ޕެކެޓެއް ނަގައި ސަދަފާ ދިމާލަށް އިޔާން އެއްލިއެވެ. އިރަމްގެ ވާހަކަ އިޔާން ނުސީދާ ގޮތަކަށް ފާހަގަކުރުމުން، ސަދަފް ލަދުރަކި ގޮތަކަށް ހީލި ތަންފެނި އިޔާންއަށް ބާރަށް ހެވުނެވެ.
“ބުރޯ އޯކޭތަ، މަ އިރޫ އާއި-” ސަދަފް އަހާލީ ސިރިއަސް ރާގެއްގައެވެ.
“އުހޫން! އިރޫއާ ކައިރި ނުވައްޗޭ، އެއްޗަކުން ޖަހާނަން.” ހިނިގަނޑު މަތަކުރަމުން އިޔާން ބުންޏެވެ.
“ހޫމް، ތިހެން ކިޔާފައި މިހާރު ފިލައިގެން ނުދެވޭނެކަން ހަނދާނުގައި އެބަހުރިތަ؟ އެމީއަކީ މިހާރު މަގޭ ކޮއްކޮ” ސަދަފް ގަދަވެލާފައި ބުންޏެވެ.
” ދެން ތިހެން ކިޔައިގެން މަ ބިރުގަންނުވަން އުޅޭނެ ކަމެއް ނެތް، އެހެރީ އިރޫ ދީފަ” އިޔާން ވެސް ބުނެލިއެވެ.
ދެ ޒުވާނުން އެފަދަ މަޖާ ވާހަކަތަކެއްގައި ތިބެ، އެކަކު އަނެއްކަކާ ދިމާކުރަމުން ދިޔައިރު، ވަގުތު ހިނގަމުން ދިޔަ ގޮތެއްވެސް އެނގުމެއް ނުވިއެވެ. އެހެން ތިއްބާ، ވަގުތު ފާއިތުވެގެންދާކަން އިހުސާސްވީ އިޔާންގެ ފޯނުން އިވުނު އެލާމްގެ އަޑަށެވެ.
****
“ކިރިޔާ ދޯ މިއަދު މިއާދެވުނީ.. މި މޫސުމާއި ހެދި މިހެން މިވީ” އަމީރާއާއި ލައިބާ އޮފީހަށް ވަދެ އިނގިލި ޖައްސާލެވުނީ ގަޑިޖެހެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށެވެ. ދުވަހަކުވެސް ގަޑި ނުޖެހޭ އަމީރާއަށް އެކަމުން ނުތަނަވަސްކަން ލިބުނެވެ. ބޯކޮށް ރަހުމެއްނެތި އޮހެމުންދިޔަ ވާރޭގެ ސަބަބުން ބްރިޖް މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާ ހުރެ، ބަސް ދަތުރުތައް އޮތީ މެދުކަނޑާލާފައެވެ. ދަތުރުތައް އަލުން ފެށިގެން މަންޒިލަށް އާދެވުނީ ހަމަ ކިރިޔާއެވެ.
“ހަމަ ނަސީބެއް.. ލައީ، މިއަދު ތެރަޕީ ސެޝަން ތަންކޮޅެއް އަވަހަށް އިނީ.. ހަވީރު” އިސްތަށިގަނޑު ފޮޅާލަމުން އަތުކުރީގައި އަޅުވާލާފައި އޮތް ވޫލްކޮޅުން އަމީރާ އިސްތަށިގަނޑު އައްސާލިއެވެ. ލައިބާ ބޯޖަހައިލަމުން ސައިމަން ގާތު ގެންގޮސްދިނުމަށް ބުނާނެ ކަމަށް ބުނެލިއެވެ. ނަމަވެސް، އަމީރާ ވަގުތުން އެކަމާ ދެކޮޅު ހެދިއެވެ. ކޮންމެ ފަހަރަކު ސައިމަންއަށް އުނދަގޫ ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.
“ދެން އެމީ ދައްކާ ވާހަކަ.. އުނދަގުލެއް ނުވާނެ އެންނު.. އޭނަގެ ގެޔާއި ނުލާހިކު ގާތޭ އެތަން.. އެހެންވީމަ ފަސޭހަވާނެ އެންނު ދޯ.. ސައިމަން ބުނި އޭނާގެ ބައްޕަ ވެސް ވޯކް ކުރާނެއޯ އެތާގަ” ހިނިތުންވެލައިގެން ހުރެ ލައިބާ ބުނެލިއެވެ.
“ސައިމަންގެ ބައްޕަ؟ ރިއަލީ؟ ވޯހްހް” އަމީރާގެ ތުންފަތުގައިވީ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ލައިބާވެސް އެ ހިނިތުންވުމެއް ރައްދުކޮށްލަމުން ބޯޖަހާލިއެވެ.
ދެ އެކުވެރިން ވާހަކައިގައި ތިބެ އެތެރެއަށް ހިނގައިގަތެވެ. ލިފްޓާ ހިސާބުން ދެމީހުން ވަކިވީ ލައިބާ އެހެން ފަންގިފިލާއަކަށް ދާން ޖެހުމުންނެވެ. އަމީރާ ލިފްޓުން ފައިބައިގެން ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ބަދިގެއަށް ވަތް ހިނދު، އެތަނުގައި އިން ގޮނޑިއެއްގައި އިން މަންހާ ފެނުމުން އަމީރާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ނަމަވެސް، އެއްވެސް ބަހެއް ބުނުމެއްނެތި، އޭނާ ކެއްކުމަށް ހާއްސަކުރެވިފައިވާ ބަޔަށް ވަނެވެ.
އަމީރާ ބަދިގެއަށް ވަދެގެން ދިޔަ ހިނދު، އެތެރޭގައި އުޅުނު ޝާއިރާ ފެނި އޭނާ ސިހޭގޮތްވިއެވެ. އާންމުކޮށް ބަދިގޭގެ އެއްވެސް މަސައްކަތެއްގައި ޝާއިރާ ބައިވެރިވާ ތަނެއް ނުފެނުނު ނަމަވެސް، އެތަނުގައި މަސައްކަތްކުރާ ކައްކާއިންގެ މަސައްކަތްތަކަށް ފާޑުކިޔައި އަމުރުތައް ކުރަމުން ދިޔައެވެ. ޝާއިރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ އަމީރާ ފެނުމުންނެވެ. ވަގުތުން، އޭނާގެ އެ ތޫނު އަދި ވިހަގަދަ ނަޒަރު އަމީރާއަށް ހުއްޓާލިއެވެ.
އަމީރާގެ މުޅި ހަށިގަނޑުގައި ގަދަ ފިންޏެއް ދުވެލިއެވެ. ހިތުގައި އުފެދުނު ބިރުވެރިކަމުން ފަސްޖެހެވޭ ގޮތްވިއެވެ. ދެއަތްދެއަތާއި މޮޑެލެވުނު އިރު ކުރިއަށް ދާން ނޭގިފައި ހުރެވުނީއެވެ. ނަމަވެސް، އިތުރު ކައްކާއަކު އަމީރާގެ ނަމުން ގޮވާލުމުން، އޭނާގެ ހިތް ހަމައަކަށް އަޅުވާލުމަށްފަހު، މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ޝާއިރާގެ އެ ތޫނު ނަޒަރު ދޭތެރެ ދޭތެރެއިން އަމީރާއަށް އަމާޒުވަމުން ދިޔައީ އޭނާގެ ހިތުގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުކުރުވަމުންނެވެ. އެއިން ކޮންމެ ފަހަރަކު ސިހިފައި ތެޅިގަނެވެއެވެ. ހިންދިރުވާލަމުން އަނެއްކާ ވެސް މަސައްކަތައް ރުޖޫއަ ވާން މަޖުބޫރުވަނީ ކޮންމެ ވެސް މީހަކު އޭނާގެ ނަމުން ގޮވާލުމުންނެވެ. އެކަމުގެ ސަބަބުން ފަހަރަކު މީހަކު އައިސް އޭނާ ރަނގަޅުތޯ ސުވާލު ވެސް ކުރިއެވެ. އެފަދަ ހާލެއްގައި ވަނިކޮން ލައިބާ އައިސް ވަނުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
****
އިޔާންއަށް ކެބިންއަށް ވަދެވުނު އިރު ހީވަނީ ތަނަށް ކުޑަ ވަރެއްގެ ސުނާމީއެއް އަރާފައި އޮތްހެންނެވެ. ހައިރާންކަމާއެކު މުޅި ކޮޓަރިއަށް ނަޒަރު ހިންގާލި އިރު، މޭޒުމަތީގައި އޭނާ ވަރަށް ފަރުވާތެރިކަމާއެކު ތަރުތީބުކޮށްފައި ހުރި ހުރިހާ ފައިލްތަކެއް އޮތީ ތަޅުންގަނޑު މަތީގައި އެކި ދިމާދިމާލަށް އުކާލެވިފައެވެ. ހަރުގައި ހުރި ފައިލްތަކަށް ވެސް އޮތީ އެ ރޯޅީގެ އަސަރު ކޮށްފައެވެ. އެތައް ބައިވަރު ފައިލެއް ތަރުތީބުން އަތުރާފައި ހުރި ކަބަޑު އޮތީ ހުސްކޮންނެވެ. ތިރީގައި ފުންޏަކަށް އޮތީ ހުސް ފައިލެވެ. ރުޅިގަދަ ވީވަރުން، ބޭރު ރިސެޕްޝަނުގައި އިން ކުއްޖާއަށް ގޮވާލުމަށްޓަކައި އެނބުރިލި ވަގުތު، ސޯފާގައި ހަމަޖެހިލައިގެން އިން ސޯދިގު ފެނުމުން އިޔާންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.
“އޯވްހްހް” ވެގެންދިޔަ ގޮތް ފަހުމް ވާން އިޔާންއަށް ނެގީ މަދު ސިކުންތުކޮޅެކެވެ. އައިސްހުރި ރުޅި ފިލާ އޭނާގެ ގާތައް އައީ ނުލަފާ ހިންޏެކެވެ. ނަމަވެސް މޫނުމަތިން އަސަރެއް ވެސް ދައްކައި ނުލާ އިޔާން ހުރީ ސޯދިގް ހަދާ އެއްޗެއް ބެލުމުގެ ނިޔަތުގައެވެ. އެންމެ ފަހުން އެ ކެބިންއަށް އިޔާން ވަތް ކަން ސޯދިގަށް އެނގުނީތާއެވެ. އެހެންވެ އެއިން އެއްޗެއް ފެނޭތޯ އައިސް އިޔާންގެ މުޅި ކެބިން އެފުށް މިފުށައް ޖަހާލީއެވެ. ގެއަށް ސާމާނުތައް އިޔާން ގެންދިޔައީ ވެސް އެކަން އެގޮތައް ވެގެންދާނެކަން މާކުރިން ވެސް އެނގޭތީއެވެ. އެންމެފަހުން، އޭނާގެ ހަގީގީ ސިފަ ދައްކާލައި، ފާޅުގައި ކުރިމަތިލީތާއެވެ. ހިނިއައި ވަރުން އިޔާންއަށް އަނގަމަތީގައި އަތުގެ ނުފުށުން އަތް ބާއްވާލެވުނެވެ.
“މަ ނުބުންޏަސް ކަލެއަށް އެނގޭނެ މިތަނަށް އައިސް މިހުރީ ކީއްވެގެން ކަން.. އެ ލެވެލްއަށް ވެއްޓެން، ކަލޭ ލަދެއް ނުގަނޭ؟” ސޯދިގުގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. އެހެންޏާ އިޔާން ފެނުމުން ބަހައްޓާ ގާތްކަމާއި އޯގާތެރިކަމުގެ ކުލަވަރު މުޅިން ފިލައިގޮސް، އެ މޫނުމަތިން ފެންނަނީ މަކަރުވެރިކަމާއި ނުރުހުމެވެ. އިޔާން އެއްވެސް ޖަވާބެއް ނުދީ، ލާނެތް ހިނިތުންވުމަކާއެކު މޭޒު ދޮށުގައި ހުރި ގޮނޑި ގެނެސް ބެހެއްޓީ ސޯދިގު އިން ސޯފާގެ ކުރިމައްޗަށެވެ. އެއް ފައި މައްޗަށް އަނެއް ފައި ލައިގެން، ހަށަމް ބަދެލައިގެން އޭނާ އިށީނދެލި ގޮތުން ހީވަނީ، ސޯދިގުގެ ރުޅިގަނޑު އިތުރަށް ހިލުވާލަން ގަސްތުކޮށްގެން އިން ހެންނެވެ. އެހެން އިންދާ، ކެބިންގެ ދޮރު ބާރަށް ހުޅުވާލުމަށްފަހު މަހުދީ ވަދެގެން އައެވެ.
“ބުރޯ، ސޯދިގް އެބައޮތް އަހަރެމެންގެ މުޅި ކެބިން ކާލާފާ..އެންމެ އެއްޗެއް ވެސް ސަލާމަތަކުން ނެތް..ބަސް-”
މަހުދީ ދައްކަމުން ދިޔަ ވާޙަކަ މެދު ކެނޑުނީ ސޯފާގައި އިން ސޯދިގު ފެނިފައެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެ އިޔާންގެ މޫނަށް ބަލައިލެވުނެވެ. އެ ކެބިން ތެރެ އޮތް ގޮތް ފެނުނީ ވެސް އެވަގުތެވެ.
“ކޮން ކަމަކާ؟” އިޔާން ހަމަޖެހިލައިގެން އިނދެ އަހާލިއެވެ.
“މަ ކާންދީ ބަލާބޮޑުކުރީމާ، މަގޭ އަތުގައި ދަތްއަޅަން ކަލޭގެ ލަދުހަޔާތް ކޮބާހޭ؟” ސޯދިގު ހަޅޭއްލަވައިގަތެވެ.
“ހަތާވީސް އަހަރު ވަންދެން މަ ބަލާ ބޮޑު ކުރީ ކަލޭ ކަމެއް ނުދެނެ ހުރިން..ހާދަ ރުޅި އައިސް ތިހުރީ.. ތިއުމުރުގަ ތިހާ ރުޅިގަދަ ވާން ވެއްޖެއްޔާ ބީޕީ ހައި ވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ވެސް ޖެހިދާނެ!” އިޔާން ދިން ޖަވާބުން ސޯދިގް ފެނި ބިރުގަނެފައި ހުރި މަހުދީއަށް ވެސް ހެވޭގޮތް ވިއެވެ. އަޑު ވީއްލާ ހެވިދާނެ ކަމުގެ ބިރަށް މަހުދީ ތުންފަތުގައި ބާރަށް ދަތްއަޅުވާ ހިނިގަނޑު އެތެރެއަށް ހިންދާލިއެވެ. އެތަނުން ނުކުންނަން ބޭނުން ވީ ނަމަވެސް އެހިތްވަރުވެސް ކޮށްލާކަށް ނުކެރުނެވެ. ސޯދިގް މޫނު ރަތްކޮށްލައިގެން އިން އިރު އައިސް ހުރި ރުޅި އަންދާޒާ ކޮށްލެވުނެވެ.
“އެތަނުން ކަލޭ ނެގި އެއްޗިހި މަށާ ހަވާލުކުރާނީތަ؟ ނޫނީ ކަލޭގެ ކޮއްކޮއާ ބެހެން އުޅުނު މީހުންގެ ތެރެއިން ހައްޔަރުކޮށްފައި ތިބި އެންމެން މިނިވަންވެގެން ދާތަން ދެކެން މަޑުން ހުންނާނީތަ؟” އިޔާންގެ މޫނަށް ބަލަން ހުރެ، ސޯދިގު އޭނާގެ ޖުމްލަ ނިންމާލީ ވިހަގަދަ ހިނިތުންވުމަކުންނެވެ. އެ މޫނުމަތީގައިވި މަކަރުވެރިކަން ވަގުތުން ފުންވެގެން ދިޔައެވެ. ނަމަވެސް، އިޔާންގެ މޫނުމަތިން ހާސްކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އޭނާ އިނީ މަޑުމަޑުން ބޯޖަހާލަ ޖަހާލައި، ސޯދިގުގެ ބަސްތަކަށް ކެތްތެރިކަމާއެކު އަޑުއަހާށެވ.
“ވެލް ވެލް، ގޯ އަހެޑް.. އަހަންނަށް އިރަމް ހިމާޔަތް ކުރެވިދާނެ.. އެކަމަކު ކަލެއަށް ކަލޭގެ އަމިއްލަ ނަފްސް ހިމާޔަތް ކުރެވޭނެތަ؟ އިޔާން ޖީބުން ފޯނު ނަގައި، ސޯދިގާއި ޝާއިރާ، އަމާޔާ ގޮވައިގެން ކާރުގައި ދިޔަ މަންޒަރު ފެންނަ ވީޑިއޯ ކޮޅު އަޅުވާލިއެވެ. އެ މަންޒަރު ފެނުމާއިއެކު ސޯދިގުގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ދެފަޔަށް ލީ ބާރުމިނުގައި ގޮސް އިޔާންގެ އަތުން ފޯނު ޖަހައިގަތުމަށްފަހު ފާރަށް ޖަހައިލިއެވެ. އެހިނދު މުޅި ތަނަށް ބުރައިގެން ދިޔައީ ތެޅިގެން ދިޔަ ފޯނުގެ ބިއްލޫރިތަކެވެ. އެއަޑު މުޅި ކެބިންގެ ތެރޭގައި އިރުކޮޅެއް ވަންދެން އެކޯވެފައި ހުއްޓެވެ. ފޯނު އޮތީ ދެވަނަ ފަހަރަށް ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ.
“ކަލޭ ހީކުރީ މަށަކީ އެހާ ގަމާރު މީހެއް ކަމަށްތަ؟ މީގެ އެތައް ކޮޕީއެއް އަހަރެންގެ އަތުގައި އެބަހުރި. ކޮންމެ ވެސް ތުހުމަތެއް މަ ބޮލަށް ކަނޑާލާފަ، ކަލޭ ކޯޓު އަމުރެއް ހޯދައިގެން އަހަރެންގެ ގެ ބަލާ ފާސްކުރިޔަސް، އެ އެއްޗެހި ފެންނާނެ ކަމަށް ހީ ނުކުރާތި! މި ހަމަ ބަސްޓު ކކުރުވާނީ ކަލޭ ނޫނީ ކަޅޭގެ ޝާއިރާ މެދުވެރިކޮން! ބަލަން ހުންނާތި! މިއަދު ކަލޭގެ ހަގީގީ ސިފަ ފަޅާއަރައި، ކަލޭގެ ދިރިއުޅުން އަލިފާނަށް ވެގެންދާ މަންޒަރު ބަލަން އަހަރެން ހުންނާނަން. ސަލާމަތް ވެވޭނެ ކަމުގެ ކުޑަވެސް އުއްމީދެއް ނުކުރާތި!” އިޔާންގެ މޫނުމަތިން ދެން ވެސް ފެނިލީ ކާމިޔާބީ ހިނިތުންވުމެކެވެ. ސޯދިގް ހާސްވީ ވަރުން ބޮލު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ހުރެ ދެ ކޮޅަށް ހިނގަން ފެށިއެވެ. އެންމެ ފަހުން ގޮތް ހުސްވީ ކަންނޭގެ އެވެ. ފެނުނީ އިޔާންގެ ފައިތިލަ ދޮށައް ތިރިވި މަންޒަރެވެ. ކުޑަކަކޫ ޖަހައިގެން އިށީންދެ އިން އިރު އޭނާގެ ވިހަ މޫނުމަތީގެ ކުލަވަރު ވަނީ މުޅީން ބަދަލުވެފައެވެ.
“ނޫން އިޔާން.. ބޭބެ އަށް މާފް ކުރޭ.. ޝާއިރާގެ ސަބަބުން އަހަންނަށް ވެސް މަޖުބޫރުވީ.. އިޔާން ބޭނުންނަމަ އަހަރެން އެހީވެސް ވެދީފާނަން ޝާއިރާއާއި ހޫގޯ ހައްޔަރު ކުރުމަށް..” ޒާތަކަށް ރޮއެގަނެފައި ސޯދިގް ވާހަކަ ދެއްކިއެވެ.
“އައްދެ، މިހާ އަވަހަށް އޮއިވަރު ބަދަލުވީ؟” މަހުދީ ބުނެލިއެވެ. އެއަޑަށް އިޔާން ފެށީހޭށެވެ.
” ކަލެއަށް މަ އިތުބާރު ކުރަންވީ ކީއްވެ؟ ކޮންޔަގީން ކަމެއް މަށައް އޮތީ؟… އެހެންނޫނަސް އެ ވީޑިއޯގަ އެބަފެނޭ ކަލޭގެ ފެންވަރު.. ނޫންތަ؟ އިތުރަށް މަތި އޮއްބަން ދައްކާނެ ބަހަނާއެއް ނެތެއްނު! ހައިކަލްއެއީ ކަލޭގެ އާއިލާއޭ! ކުޑަކުޑަ އަންހެން ކުއްޖަކަށް އެފަދަ ބޮޑު އަނިޔާއެއް ދީ، އަނިޔާވެރި ކަމުން ހައްދު ފަހަނައަޅާފައިވާ ބައެއްގެ އަތްމައްޗަށް ދޫކޮށްލިއިރު، ތި ހިތަކަށް ކުޑަވެސް ރަހުމެއް ނުވަދޭތަ؟ މިއަށްވުރެ ބޮޑު ދެރައެއް އިންސާނަކު އޭނާގެ އަމިއްލަ ލެޔަށް ދޭނެތަ؟ އެދުވަހު ހިތަކައް ނާރާތަ ބޭޒާރުވާ ދުވަހަކުން ވެދާނެ ގޮތެއް!” އިޔާންގެ ކޮންމެ ޖުމްލައެއް ސޯދިގްގެ ހިތް މާޔުސް ކޮށްލިއެވެ. އިޔާންގެ ފައިގާ ހިފަހައްޓައިގެން އިނދެ އާދޭސްކުރަން ފެށީ އިތުރު އެއްވެސް ގޮތެއް ނެތް ހެން ހީވުމުންނެވެ. ނިތުން ހިއްލާލި ދާތިކިތައް ފައިބަމުން ދިޔައިރު ހިސާބަކަށް ހުރީ ރޮވިފައެވެ. އިޔާންގެ ކޮންމެ ޖުމްލައެއް ސޯދިގުގެ ހިތަށް ތޫނު ހަންޖަރެއް ފަދައިން ހެރެމުން ދިޔައެވެ.
“ނޫނޭ.. ނޫނޭ.. އެހެން ނުހަދާ.. އަހަރެން އެހީވެދޭނެމޭ .. އެހެން މީހުންނަށް ނޭނގޭ އެތައް ސިއްރެއް އަހަންނަށް އެނގޭ.. އަހަރެން ދޫކޮށްލައިފިއްޔާ ޔަގީނުން ވެސް އެހީވާނަން.. ހެޔޮނުވާނެ.. އާދޭސްކުރަން ދޫކޮށްލާ” ސޯދިގު އާދޭސް ކުރަމުން ދިޔައެވެ. ސޯދިގްގެ އަޑުން އިޔާން އެއްމިޔަކަނުން ހީލިއެވެ. އިޔާންގެ ސިކުނޑީގައި ކަމެއް ރާވާލީއެވެ. އެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
“މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފިއިރު ހަމަ ކުޑަކޮން ވެސް ހިތަކަށް ނާރާ ދޯ ކަލެއަށްވުރެން ދަށް ލެވެލްއެއްގެ މީހެއްގެ ކުރިމަތީގަ ތިހެން ކުޑަކަކޫ ޖަހަން ޖެހިދާނެ ކަމަކަށް؟.. ހޫމް، ގެނޭ ޕާސްޕޯޓު، ހަހަހަ .. އެހެންނޫނީ ނޭނގޭ އަހަރެން މިތަނުން ދާއިރަށް ގައުމުން ބޭރަށް ދާން ނުފުރާނެ ކަމެއް… ކަލޭ ތިބުނިހެން އަހަރެމެންނަށް އެހީ ވެއްޖެޔާ ދުލެއް ދިނުމާއި ދޭތެރޭގަ ވަރަށް ވިސްނާނަން.. އެނޫން އެއްވެސް ގޮތެއް ނޯންނާނެ” އެތެރެއިން ގަދައަށް ހެމުން ދިޔަނަމަވެސް އިޔާން ދައްކަމުން ދިޔައީ އޭގެ އިދިކޮޅެވެ. ސޯދިގް މޫނު އަލިވެގެން ދިޔައިރު، ޖީބުން ނެގި ވޮލެޓު ތެރެ ހާވާލުމަށްފަހު އިޔާންގެ އަތައް އޭނާގެ ޕާސްޕޯޓު ދިނެވެ. އަވަސްއަވަހަށް ބޯޖަހައިލީ އިޔާން ބުނާ ކޮންމެ ކަމަކަށް ތައްޔާރޭ ބުނާފަދައަކުންނެވެ.
“އެހެންވީމަ ކިޔައިދީ، ކިހިނެތް ވީ އެދުވަހު؟” އިޔާން ގޮނޑީން ތެދުވެ ބަލައިލީ ތިރީގައި ކުޑަކަކޫ ޖަހައިގެން އިން ސޯދިގްގެ މޫނަށެވެ. ސޯދިގް އިސްޖަހާލަމުން ދެލޯ މަރާ ތަގުޅި ކޮށްލިއެވެ. އޭނާގެ އަނގަޔަކުން ބަހެއް ބޭރެއް ނުވިއެވެ. އިޔާން އެންމެފަހުން ސޯދިގްގެ ގަމީހުގެ ގިރުވާނުގައި ހިފައި ދަމައިގަނެ ކޮޅަށް ނެގިއެވެ. ގިރުވާނަށް އިތުރު ބާރެއް ލަމުން ދެވަނަ ފަހަރަށް އިޔާންގެ ސުވާލު ތަކުރާރް ކުރިއެވެ.
“ކިހިނެތް ހޭ ވީ އެދުވަހު؟”
އޭރު ސޯދިގު މާޔޫސްކަމާއި ބިރުވެރިކަމުގެ އަސަރުތަކުން ފުރިފައިވާ މޫނަކާއި އެކު ދުރުބަލައިލިއެވެ. އިޔާން ބަލައިލީ މަހުދީއަށެވެ. ފޯނަށް އިޝާރަތްކޮށްލުމުން، މަހުދީއަށް އިޔާންގެ ބޭނުން ނަގައިގަނެވުނެވެ. މަހުދީގެ ފޯނުން އެ ވީޑިއޯ ކޮޅު އަލުން އަޅުވާލަމުން ސޯދިގްއަށް ދައްކާލީ ހިނިއައިސް ހުރެއެވެ.
“ދެން ވެސް ބުނަން ވީނު..” މަހުދީ ބުމަ އަރުވާލިއެވެ. އެވަރުން ވެސް ސޯދިގް ކިޔައިދޭކަށް ނޫޅުނެވެ. އެންމެ ފަހުން އިޔާން ކުރިއަށް ވުރެން ބާރަށް ގިރުވާނަށް ބާރުކޮށްލަމުން އޭނާގެ ނޭވާ ހާސްވާވަރަށް ކަރަށް ފިތާލިއެވެ. މިފަހަރު އިޔާންގެ މޫނުމަތިން ސަމާސާގެ ކުލަވަރެއް ނުފެނެއެވެ. ފެނިގެންދަނީ ރުޅިވެރިކަމެވެ.
“ބުނާނީތަ ނޫނީ މުޅި ދުނިޔެއަށް ކަލޭ ބޭޒާރު ކޮށްލަން ވީތަ؟”
” މިބުނަނީ، މިބުނަނީ.. އާހްހްހް ދޫކޮށް..ދޫކޮށްލަބަލަ” އިޔާން، ސޯދިގްގެ ކަރަށް ބާރުވާހެން ހިފަހައްޓައިގެން ހުރުމުން ސޯދިގަށް ނޭވާ ލާން ދަތި ވެގެން ތެޅިގަނެވުނެވެ. އިޔާން ދޫކޮށްލީ، ސޯދިގް ވާހަކަ ދައްކަން ފެށުމުންނެވެ.
“އެދުވަހު އެ ހުރިހާ ރޭވުމެއްގެ ފަހަތުގައި ހުރީ ޝާއިރާ. އޭނާގެ މިހާރުގެ ފިރިމީހާ އާޝިއުވެސް އެކަމުގައި ބައިވެރިވި. ތި ވީޑިއޯ ފެނުނީމާ އަހަންނަށް ހުރިހާ ކަމެއް އެނގޭ ކަމަށް ހީވެދާނެ، އެކަމަކު ހަގީގަތަކީ އެކަމުގެ ތެރެއަށް އަހަރެން ވަނީ ވީޑިއޯގަ އެފެންނަ މަންޒަރާއި ހިސާބުން.. މިބުނީ ކާރާ ހިސާބުން. އަމާޔާގެ އުފަންދުވަހުގެ ޕާޓީގެ ދެދުވަސް ކުރިން ޝާއިރާ އަހަންނަށް ގުޅައި، އާމިލާ ނުލިބުމުގެ ސަބަބުން ހައިކަލް ދެކެ އަހަރެން ކުރާ ނަފްރަތުގެ ބޭނުން ހިފި. ހަގީގަތުގައިވެސް އޭރު އަހަރެންގެ ހިތުގައި ހައިކަލްއާ މެދު އޮތީ ގަދަ ނަފްރަތެއް. އެދުވަހު ޝާއިރާ ބުނީ، އަމާޔާ މަރާލުމަށް އޭނާ ރާވަމުންދާ ވާހަކަ،” ސޯދިގުގެ އެ ބަސްތަކުން އިޔާންގެ މޫނުގެ ކުލަވަރު އެކީ އޮއްސިގެން ދިޔައެވެ.
“މަރާލާށޭ؟ ކިޑްނެޕް ކުރާކަށް ނޫންތަ؟” އިޔާންއަށް ލިބުނު ހައިރާންކަމާއިއެކު އަހާލެވުނެވެ.
“ހޫމް.. މަރާލަން އުޅުނީ.. ހުދު އަހަރެން ވެސް އެކަމާއި ދެކޮޅު ހެދިން.. އާޝިއު ވެސް ފުރަތަމަ ދެކޮޅު ހެދީ އެކަމާ.. އެކަމަކު ޝާއިރާގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ ހުޅުގަނޑު މާ ގަދަޔަށް އަނދަމުން ދިޔައީ..ޝާއިރާ ބޭނުންވީ އެކުއްޖާ މަރާލަން.. އެހެންވެ އޭނާގެ ނުފޫޒުގައި ޖެހިގެން އާޝިއު ވެސް ފަހުން އެއްބަސްވި.. އެކަން ކުރަން ޝާއިރާ ނުހަނު މަސައްކަތް ކުރި.. އެކަމަކު ކާމިޔާބެއް ނުލިބުނު” ސޯދިގު ބުންޏެވެ.
“ވަޓް؟ މައަތުން ބޮނޑިއެއް ނުބޮއެ ތި ތަންކޮޅެއް ސާފުވާހެން ކިޔައިދީބަލަ” އިޔާން ބާރަށް ބުނެލިއެވެ. އޭރުން ސޯދިގް ދައްކަމުން ދިޔަ ވާހަކައިން އިޔާންގެ އެތެރެ ހަށީގައި ވަރުގަދަ ހޫނުގަނޑެއް އުފެދިއްޖެއެވެ. ހަގީގަތް އިނގެން އިހުނަށް ވުރެން ބޮޑަށް ތެޅިފޮޅިގަނެވިއްޖެއެވެ. އިޔާންއަށް ވެފައި ހުރިގޮތުން ޖެހިލުން ވެފައި ހުރެ ބޯޖަހައިލަމުން ސޯދިގް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
“އެދުވަހު ޝާއިރާ އަހަންނަށް ގުޅާފަ ބުނީ ހައިކަލްގެ ގާތުން ބަދަލު ހިފަން ބޭނުންވަންޏާ އަންނާށޭ ހައިކަލްގެ ގޭ ކައިރިއަށް ޝާއިރާ ބުނާ ގަޑިއަކަށް.. އަހަރެން ވެސް ހައިކަލްގެ ދެކެ އަންނަ ރުޅިން ބަދަލެއް ހިފަން ބޭނުންވެފަ ހުރި ވަރުން ދިޔައިން.. ހައިކަލްއާއި އާމިލާ ކައިވެނި ކުރި ހިސާބުން އަހަރެން ދަންނަން ޝާއިރާ.. އެއީ އާމިލާގެ ކޮއްކޮއަށް ވީތީ.. އޭގެ ދުވަސްކޮޅެއް ފަހުން ޒައީމްއާއި އެކު ފެންނަން ފެށި.. ޒައީމްއާއި އަހަންނަކީ އެކުވެރިން ވީމަ ޒައީމްއާއި ވާހަކަ ދައްކަން.. އެކަމަކު އޭރުވެސް ޝާއިރާއާއި ގުޅުމެއް ނޯންނާނެ.. މިބުނާ ދުވަހު އަލަށް ވެސް ވާހަކަ ދެކެވުނީ.. ޝާއިރާ ބުނި އިތުބާރު ކުރަށޭ، ތިމަންނަ ރުޅި އާދެއޭ އާމިލާ ދެކެ.. އޭރުވެސް ވެސް ނޭނގޭ ކުރަން އުޅޭ ކަމެއް.. ދެން އޭނަ ބުނި ގަޑިއަށް ގޮސްގުޅީމަ، ނުކުމެފަ ކާރަށް އަރައިފި .. މޫނު ބުރުގާ އަޅައިގެން އިނީ..އާޝިއު ވެސް އައި.. އޭރު އާޝިއު އާއި ޝާއިރާ އުޅުނީ ލޯބީގެ ގޮތުން ގުޅިގެން.. އެކަމަކު ޒައީމްއާއި ކައިވެނިކޮށްގެން ޝާއިރާ އުޅެނީ.. އެގިއްޖެ ދޯ ދެން މިބުނި އެއްޗެއް.. އާޝިއުއަކީ ޝާއިރާގެ ވަގު ލޯބިވެރިޔާ.. އެތަނުން ބުނީ، އާމިލާއާއި ހައިކަލްއަށް ދެވޭނެ އެންމެ ބޮޑު ދެރައަކީ އެމީހުން އަންހެން ދަރިފުޅާއި ކުޅެލުމޭ.. އަދި އިރުކޮޅަކުން އެކުއްޖާ އަންނާނެއޭ ކާރަށް އަރަން .. ދެން ޝާއިރާ ބުނި ތިމަންނަ މިއައީ އޭނާއަށް ބިރުދައްކާފައޭ . އަދި ތިމަންނަ ދެކެ އަމާޔާ ޖެހިލުން ވާނެއޭ.. އެވަގުތު އަހަރެން އެހިން ކޮބާހޭ ޕްލޭނަކީ.. ޝާއިރާ ބުނީ އަމާޔާ މަރާލުމޭ..އެކަމަކު އަހަރެން ވަގުތުން ދެކޮޅު ހެދިން.. އާޝިއު ވެސް ދެކޮޅު ހެދި.. އެކަމަކު ފަހުން ޝާއިރާގެ ގަދަ ނުފޫޒާއި ބަސްތަކުން އާޝިއު އެކަމާއި އެއްބަސް ވި” ސޯދިގު ވާހަކަ އެހިސާބަށް ގެންގޮސް ބަލައިލީ އިޔާންގެ މޫނަށެވެ. އިޔާން ހުރީ އިވެމުންދާ ވާހަކަ ތަކުން ސިހިސިހިއެވެ. މޫނުން ހުދުކަން ނުކެނޑެއެވެ.
“އިށީންދޭ، މިއަދު ކިޔައިދޭނަން އަހަންނަށް އެނގޭ މިންވަރަކުން ތަފްސީލާއި އެކު” ސޯދިގުގެ ހިތުގައި ހަމްދަރުދީ އުފެދުނީ ކަންނޭނގެއެވެ. އިޔާންއަށް ގޮނޑި ދައްކާލިއެވެ. އަދި ކިޔައިދޭން ފެށިއެވެ.
***
(ތޭރަ އަހަރު ކުރި)
****
(ނުނިމޭ)
VaraH reethi🤍🤍
Visham and iyan bromance
Hama seedha meee dhevana ZAYAN AND YAZAN🥰🥰🥲🥲hehehe
Soooooooooooo cuteeeee
I love the way zan gos visham huttuvi😭😭
Slayy them 😭😭
Varah curious kohlaafa miothy
Cant wait😭❤️❤️
Omgshshsh the truth is unfolding uuuggegg i CANT wait anymore again a cliffhanger
Dhooo zan gohs wishaam huhtuwi goih aaaaahhh they so adorable Masha Allah waiting for the next 😭😭
Omg this soooo good
Vvvv reethi
I cant wait to read next
Eroo ehery dheefayo😩😂😂
And iyan is so funny mi baiga😂😂
He adhi soadhiq rulhi aruvan eh fai mahchah aneh fai laigen isheendhefa😂😂
This si freaking good🥰🤍
Wai what shaaira?😳
I so shocked
I thought moonu butugaa g foruvigen hury shaira bunegen manha kmah
Manha v bodu vaane ennu😑😑
Avahah next up kohladheeba😭💖💖