މި ޖިސްމުގާ ވަނީ 42 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 42

” މިކަހަލަ ހުރިހާ ސިޗްއޭޝަނެއްގަ އަހަރެން ވެސް ބޭނުންވިއޭ އިޔާންގެ ގާތުގަ ހުރެ ރޯލަން..ތިއުނގުގައި ބޯއަޅާލައިގެން އޮވެ ހުރިހާ ވާހަކައެއް ޝެއަރކޮށް ޖެހޭ ހުރިހާ ކަމެއްގަ އިޔާންގެ އެހީ ހޯދަން ހާދަ ބޭނުންވިއޭ…ތިލޯބިވެސް ހާދަ ބޭނުން ވިއޭ.. އުއްމީދުކުރީ މުޅި ހަޔާތް އެކީގައި ވޭތުކުރަން.. އެކަމައްޓަކައި ހާދަ ހުވަފެނެއް ވެސް ދެކުނީމޭ.. ބަޓް ނައު، އައި ވިޝް އައި ނެވަރ މެޓް ޔޫ.. އިޓްސް އޯވަރ!”
ހިތް ކުދިކުދި ވެފައިވާ ފަދައަކުން ރޮމުން ރޮމުން އަމީރާއަށް ތިރިވެވުނެވެ. ހުރިހާ ހިތާމައެއްގެ އިޙްސާސް އެއް ވަގުތަކު ކުރަން ޖެހުނު އިރު މުޅި ހަށީގަނޑު ވަނީ އިންތިހާއަށް ބަލިކަށިވެފައެވެ. އެ ވޭނީ ރުއިމުގެ އަޑުން އެކަނިވެސް، ހިތަށް ލިބިފައިވާ ފުން ޒަހަމްތަކުގެ ފުންމިން އިހްސާސް ކުރެވެއެވެ. އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލައިގެން، ފިނި ޓައިލްސް މަތީގައި އިށީނދެގެން އިންއިރު، އެ ހިތްދަތި ކަންކަމާ ކުރިމަތިލާން ނުޖެހި މަރުގެ ހިޔަނި އައިސް އޭނާ ވަށާލި ނަމައޭ ހިތަށް އަރަމުން ދިޔައީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ބޭރުން ވެހެމުންދިޔަ ބޯ ވާރޭގެ ހަމަހިމޭން އަޑާއި އަމީރާގެ ހިތްކަފާލާ ފަދަ ގިސްލުމުގެ އަޑު މަސްހުނިވަމުން ދިޔައިރު، އޮހެމުންދިޔަ ކޮންމެ ވާރޭ ތިއްކަކީ އޭނާގެ ހިތުގެ ރިހުމަށް ދެވޭ ހިތްދަތި ހެކިބަހެއް ފަދައެވެ.
*****
“އައި އޭމް ސޮރީ..” އިޔާންގެ ދެތުންފަތް ފޫއަޅުވާލާފައި، ހިތުގެ ފުންމިނުން ނުކުތް އެ ދެ ލަފުޒާއެކު މުޅި މާހައުލަށް ވެރިވެފައި އޮތް ހަމަހިމޭންކަން ފުނޑުފުނޑުވެގެން ދިޔައެވެ. ދެލޮލަށް ބަރުވެފައިވާ ކަރުނަތައް ފުހެލަމުން، ފަސްއެނބުރި ރެއިލިންގެ ފިނި ދަގަނޑުގަނޑުގައި ބާރަށް ހިފާލެވުނެވެ. ހިތުގައި އުފެދިފައިވާ އުދާސްތަކާއި ވޭންތައް ކޮންޓްރޯލް ކުރަން ކުރި މަސައްކަތެއް ކަހަލައެވެ.
އޭރުވެސް އަމީރާ ތިރީގައި އިށީންދެ އިނދެ، ގިސްލަގިސްލާފައި ރޮމުން ދިޔައީ ހިތް ހަލާކުވާ ފަދަ ގޮތަކަށެވެ. އެއަޑަކީ އިޔާންގެ ހިތަށް ހެރެމުންދިޔަ ތޫނު ޚަންޖަރަކަށް ވިއެވެ. އިޔާންގެ ދެލޮލުން ވެސް މެދުނުކެނޑި ކަރުނައިގެ މުތީތައް ފައިބަމުން ދިޔައެވެ. އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު ވަރުން، ދުލުން ބަހެއް ބޭރުކޮށްލުމަށް އޭނާ މުޅިން ނުކުޅެދުނެވެ. އިސްޖަހާލައިގެން ހުރި އިޔާންގެ ހަށިގަނޑުން ހީވަނީ ފަރުބަދައެއް ފަދަ ބަރުދަނެއް އުފުލަމުންދާ ހެންނެވެ. އިންތަނުން ތެދުވެ، އަމީރާ ދޮރުން ނުކުންނަން ދިޔައިރު ވެސް، ހަށިގަނޑަށް އެއްވެސް ހަރަކާތެއް ގެންނަން ނޭނގި، ބުދެއް ފަދައިން އިޔާންއަށް ހުރެވުނީއެވެ. އަމީރާގެ ފިޔަވަޅުތަކުގެ އަޑު ދުރަށް ދިޔަވަރަކަށް، ހިތުގައި އަޅަމުންދިޔަ ވޭން ވެސް ދިޔައީ އިތުރަށް ގަދަވަމުންނެވެ. ކެތްނުކުރެވިގެން މޭގައި އަތް ޖައްސާލެވުނު އިރު، އެ ފިރިހެންވަންތަ އަޑުން ރުއިމުގެ އަޑު ބޭރުވަމުން ދިޔައެވެ. އެގޮތުގައި މާޔޫސްކަމުގެ ކަނޑެއްގައި ޣަރަގުވެފައި ހުއްޓާ، މަޑުމަޑުން ކޮޓަރީގެ ތެރެއަށް މަޖުދާ ވަދެގެން އައެވެ. އޭރު އަމީރާ އޮތީ އެނދުގައި އޮށޯވެއެވެ. މުޅި ހަށިގަނޑާއި އެކު މޫނު ފޮރުވޭނޭހެން ކުއިލްޓް އަޅުވާލައިގެން އޮތް އިރު، ބޭރަށް އެއްވެސް އަޑެއް އިވުނަނުދީ ކަރުނަ އޮއްސަމުންދިޔަކަން، އެ ކުއިލްޓަށް އަންނަމުންދިޔަ ލޮޅުންތަކުން ކަށަވަރުވެއެވެ.
މަޖުދާ ބެލްކޮނީގެ ތެރެއަށް ވަދެ ދޮރު ލައްޕާލަމުން ހުއްޓިލީ އިޔާންގެ ގާތުގައެވެ. ބޮޑުވެފައިވާ ފިރިހެން ދަރިއަކު މާޔޫސްވެ އެފަދަގޮތަކަށް ބަލިކަށިވެފައިވާ ހާލު ގިސްލާ ރޮމުން ދިޔަ މަންޒަރު ފެނި މަޖުދާގެ ހިތް ހީވީ ގެނބެމުން ދިޔަހެންނެވެ. އެ ދަރިފުޅު ގެނެސް މޭގެ ތެރޭގައި ބޮނޑިކޮށްލެވުނު އިރު މަޖުދާގެ ލޯ ވެސް ތެތްވާ ގޮތްވިއެވެ. ވީ ގޮތެއް ނޭނގުނު ނަމަވެސް އިޔާން ކުރެން މަޖުދާ ސުވާލެއް ނުކުރެއެވެ. ބުރަކަށީގައި އޯގާތެރި ގޮތަކަށް ފިރުމަމުން ދިޔައިރު ކުޑަވެސް ހަމަޖެހުމެއް އިޙްސާސްކޮށްދެވޭ ތޯ މަޖުދާ ބެލިއެވެ.
“މަންމާ.. އައި ތިންކް އައި ލޮސްޓް ހާރ” ކުޑަކުއްޖަކު ފަދައިން އިޔާން ދިޔައީ ގިސްލަމުންނެވެ. މުޅި މޫނު ވަނީ ފޮއްސިވެފައެވެ. ބޭއިޙްތިޔާރުގައި ހިނގާދިޔަ ހާދިސާ އިޔާންގެ އަނގައިން ބޭރުވިއެވެ. ހިތައް ކޮށްފައިވާ އަސަރު އެކަމުން އެކަނިވެސް މަޖުދާއަށް އިހްސާސްވަމުން ދިޔައެވެ. ކިތަންމެ ބޮޑު ކަމެއް ވީ ނަމަވެސް އެއީ އެކަނި އެކަމާއި ކުރިމަތިލާ ދަރިއެކެވެ. ވަރަށް ބޮޑަށް ހިތުގައި ޖެހިގެންމެ ނޫނީ އެފަދަގޮތަކަށް އޭނާ ނުވެސް ރޯނެއެވެ.
“ދަރިފުޅާ، ހުއްޓާލާ.. އެމީ ނުގެއްލޭނެ.. އެމީ އެކަމަކާއި ދެރަވެފަ ހުއްޓަ އިޔާ ފެނުނީމަ އެހެން އެވީ.. ޔަނާލް ގެއަށް ގެނައުން އެއީ ދަރިފުޅަށް ހެދުނު ވަރަށް ބޮޑު ގޯހެއް.. މަންމަ ބުނީމެންނު އޭރުވެސް .. ދެން އެވާހަކަ ނުދައްކާ ހިނގާ ހުރިހާ ކަމެއް ހަމައަކަށް އަޅުވާލަން… ފުރަތަމަ ދަރިފުޅު ހުއްޓާލަ. މަންމަ މިހުރީނު.. މަންމަ އެހީވާނަމޭ” އިޔާންގެ މޫނު ފުހެދެމުން މަޖުދާ ވަހަކަ ދައްކަމުން ދިޔައެވެ. އިރުކޮޅެއްގެ މަސައްކަތުން އޭނާ އަމިއްލައަށް ހަމަޖެހެން މަސައްކަތް ކުރަމުން ދިޔަ މަންޒަރުން މަޖުދާގެ ހިތައް ހިސާބަކަށް ހަމަޖެހުން އިޙްސާސްވިއެވެ. އިޔާން އެއްޗެއް ނުބުނެ ކޮޓަރިން ނުކުމެގެން ދިއުމުން އޭނާގެ ފަހަތުން ހެން މަޖުދާ ވެސް ނުކުތެވެ.
ދެދުވަސް ފާއިތުވެ ވެގެން ދިޔައިރު މުޅި ގޭތެރެ ފެންނަނީ ކުރިއަށް ވުރެން ބޮޑަށް ހަމަހިމޭން ވެފައިވާ މަންޒަރެވެ. ހަމައެކަނި ގޭގައިވާ ދިރުމަކީ ރީއާގެ ތުއްތު އަޑެވެ. އަމީރާ ކޮޓަރިން ނުކުންނަނީ އިޔާން ގެޔަށް ނުވަންނާނެ ވަގުތު ބަލައިގެންނެވެ. އިޔާން ދެތިން ފަހަރު އަމީރާ ހޯދުމަށް އައި ނަމަވެސް ކާމިޔާބެއް ނުވިއެވެ. ފަތިހު ބަދިގެއިން ނިމޭ ގޮތައް އެހެން މީހުންނަށް ވުރެން ކުރީން ގެއިން ނުކުމެ ލައިބާ ދިރިއުޅޭ ފަންގިފިލާއަށް ދެއެވެ. ވަގުތު ކައިރިވަން ދެން އަމީރާ މަޑުކުރަނީ އެގޭގައެވެ. ޑިއުޓީއިން އެނބުރި އަންނަނީ ކޮންމެ ރެއަކުވެސް ދިހައެއް ޖެހުމާއި ގާތްވެފައި ވަނިކޮންނެވެ. އަމިއްލަ ސިކުނޑިއަށް ވިސްނުންތަކުން ބާރުބޮޑު ނުކޮށްލަން އަމީރާއަށް ފެނުނީ އިތުރު ގަޑި ނަގައިގެން ބުރަކޮން މަސައްކަތް ކުރުމެވެ. ގެއަށް އައިސް ވަންނަ ގޮތައް އޭނާ ކޮޓަރިން ބޭރަށް ފިޔަވަޅެއް ވެސް އަޅާނުލައެވެ. ކޮންމެ ރެއަކު ނިދަން އޮވެ އެތައް އިރަކު ރުއިމުގައި އޮވެއެވެ. އަމިއްލަ ހިތައް ކުޑަނަމަވެސް ހަމަޖެހުމެއް އިޙްސާސް ކުރެވެނީ އެގޮތުގައި އޮވެ ހިތް ފުރެންދެން ރޯލުމުންނެވެ.
****
ހޮސްޕިޓަލް އެނދުގެ މަގަތުގައި މަހާ އިން އިރު އަތުގައި އޮތް ވާހަކަ ފޮތުން ދޭތެރެއަކުން ނަޒަރު ވަކިކޮށްލައެވެ. އޭނާގެ ކަޅި ހުއްޓެނީ އެނދުގައި އޮތް ޒުވާނާއަށެވެ. އެހެން އިނދެ އަނެއްކާ ވެސް ވާހަކައަށް ގެއްލެއެވެ. ހިމޭންކަން ރަސްކަންކުރާ އެ ކޮޓަރީގެ ތެރޭގައި މަހާގެ މަޑުމައިތިރި އަޑު އިވެމުންދިޔައީ، އެ ޒުވާނާގެ ކަންފަތާ ހަމައަށް އެ ވާހަކައިގެ ކޮންމެ އަކުރެއް ފޯރުކޮށްދިނުމުގެ މާތް މަގްސަދުގައެވެ. އެއީ ކޮންމެ ދުވަހަކުވެސް މަހާގެ ތާވަލުގައި ކަނޑައެޅިފައިވާ އާދައެކެވެ. ކޯމާގެ ފުން ނިންޖެއްގައި އޮތް އެ ބަލިމީހާއަށް، ބޭރުފުށުން އެއްވެސް ހަރަކާތެއް ކޮށްނުލެވުނު ކަމުގައި ވިޔަސް، ވަށައިގެންވާ މާހައުލުގެ އިހުސާސްތައް ކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާތީ، މަހާ އުޅެނީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ. އެ ޒުވާނާއާ އޭނާއާ ދެމެދު އޮތީ ބީރައްޓެހި ގުޅުމެއް ކަމުގައި ވިޔަސް، އޭނާގެ ކިބައިގައި އަޅާލުމާއި އިންސާނިއްޔަތުކަމާއި ޒިންމާދާރުކަން ފުރިހަމައަށް އެބަހުއްޓެވެ.
ޑޮކްޓަރުންގެ އިރުޝާދަކީ ބަލިމީހާގެ ހަނދާންތަކާ ގުޅުންހުރި ވާހަކަތަކާއި، އޭނާގެ ދިރިއުޅުމުގެ އެކި ހާދިސާތައް ކިޔައިދިނުމެވެ. ނަމަވެސް، އެ ޒުވާނާގެ މާޒީގެ ސަފުހާތަކަކީ މަހާއަށް މުޅިން ބީރައްޓެހި އަދި ނޭނގޭ ސިއްރުތަކެކެވެ. އޭނާގެ ކުރީގެ ދިރިއުޅުމުގެ އެއްވެސް ކަމެއް މަހާއަށް ނޭނގޭ އިރު އެކަމެއް ނުވެސް ވާނެތާއެވެ. އެހެންކަމުން، އެ ފަޅުކަން ފޫބެއްދުމަށްޓަކައި އޭނާ އިޚްތިޔާރުކުރީ ފޮތްކިއުމެވެ. ހޮސްޕިޓާލާއި ކައިރީގައި ހުންނަ ފޮތް ފިހާރައަކުން ވާހަކަ ފޮތްތައް ގަނެގެން އައިސް ކޮންމެ ދުވަހަކު ވެސްމަޙާ ކިޔައެވެ.
ފޮތުގެ ޚިޔާލީ ދުނިޔެއަށް ގެނބިފައި އިން މަހާއަށް ހަގީގީ ދުނިޔޭގެ އިހުސާސްވީ، ކޮޓަރީގެ ދޮރު ހުޅުވައިލި އަޑަށެވެ. އެތެރެއަށް ވަނީ ނަރުހެކެވެ. އެހެން ފަހަރުތަކާއި ހިލާފަށް މިފަހަރު ނަރުހާއި އެކު ދެ ޑޮކްޓަރުން ވަތްތަން ފެނި މަހާ ކޮޅައް ތެދުވެލިއެވެ. ހޮސްޕިޓަލުގައި އަހަރެއް ވެގެން ދިޔައިރު، އެ ޓެސްޓްތައް ހަދައި ނަތީޖާތައް ހިފައިގެން އެހެންޏާ އަބަދުވެސް އަންނާނީ ކޮންމެވެސް އެއް ނަރުހެކެވެ. އެއީ މަހަކު އެއް ފަހަރުހެން ބަލިމީހާގެ ހާލަތު ބެލުމަށްޓަކައި އެމީހުން ގަވައިދުން ހަދަމުން އަންނަ ޓެސްޓުތަކެކެވެ.
“އިޒް ސަމްތިންގް ރޯންގް؟” ހިސާބަކަށް ނުތަނަވަސްވެފައި ހުރެ މަހާ އަހައިލުމުން ތިންމީހުން މޫނުމަތިން ފެނުނީ ހިނިތުންވުމެކެވެ.
“މާކިންގެ ވީކްލީ ލެބް ޓެސްޓްތަކުގެ ރިޒަލްޓްސް މިއަދު އަޅުގަނޑުމެންނެނަށް ލިބިއްޖެ.. އެހެން ފަހަރު ތަކާއި ބަލާއިރު މިފަހަރު އަޅުގަނޑުމެންނަށް ތަފާތު ކަމެއް ފާހަގަ ވެއްޖެ..” ވާހަކަ ދެއްކީ ދެ ޑޮކްޓަރުން ކުރެ އެކެކެވެ. ކޮން ކަމެއްތޯ މަހާއަށް އަހާލެވުނީ ނުހަނު ހިތްބިރުގަނެފައި ހުރެއެވެ.
“ޕޭޝަންޓްގެ ސިކުނޑީގަ ހުރި ދުޅަ މިހާރު ހުރީ އެއްކޮން … އީ.އީ.ޖީ ރިޕޯޓުން ސިކުނޑީގެ މަސައްކަތްތައް ރަނގަޅުވަމުންދާކަން ފާހަގަ ވޭ އެބަ.. އޮކްސިޖަން ލެވެލް ވެސް ސްޓޭބަލް އަދި ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު އެއްވަރެއްގައި ވަނީ ހިފެހެއްޓިފަ.. ޔޫ ނީޑް ޓު ބީ ކެއަރފުލް.. ކޮންމެ ވަގުތަކު ވެސް ޕޭޝަންޓް ހޭ އަރާފާނެ… މެޝިނުގެ އެހީއާ ނުލައި ބަލިމީހާ އަމިއްލައަށް ނޭވާލާން މަސައްކަތްކުރުން ނުވަތަ ‘ސްޕޮންޓޭނިއަސް ބްރީތިންގް’ އަކީ ކޯމާއެއްގައި އޮންނަ ބަލިމީހެއްގެ ހާލަތު ރަނގަޅުވަމުންދާކަމުގެ ވަރަށް މުހިންމު ނިޝާނެއް.. މިކަން އެބަ ފާހަގަ ވޭ” ޑޮކްޓަރުގެ ކޮންމެ ޖުމްލައަކުން މަހާގެ މޫނުމަތީގައި ވީ ހާސްކަން ވަގުތުން ފިލައިގެން ދިޔައެވެ. ހުރިހާ އުދާސްކަމެއް ފިލައި، ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނު އިރު މަޙާގެ ތުންފަތުގައި ކުޅެލީ ރީތި ހިނިތުންވުމެކެވެ.
“ދެން ކިހިނެތްތޯ ތިކޮޅުން ހަދާލާނީ؟ ކިހާ މުއްދަތެއްގެ ތެރޭގަ ހޭ އަރާނެ ކަމަށް ލަފާ ކޮށްލެވޭތޯ؟” މަހާ ހުރީ މާކިންގެ ހާލަތު އިތުރަށް އޮޅުން ފިލުވަން އިންތިހާއަށް ބޭނުން ވެފައެވެ.
” ބަލިމީހާ އަމިއްލައަށް ނޭވާލާން މަސައްކަތް ކުރާނަމަ އަޅުގަނޑުމެން އެންމެ ފުރަތަމަ ވެންޓިލޭޓަރުގެ ސެޓިންގްސް ތައް ބަދަލުކޮށްފަ މި މެޝިނުންދޭ އެހީތެރިކަން މަދުކޮށްލަމުން ފުއްޕާމޭގެ ބާރު ހުރި މިންވަރު ދެނެގަންނާނީ..ދެން އޮތީ އެ ސްޓެޕް.. ޕޭޝަންޓުގެ ހަށިގަނޑުން އަމިއްލައަށް އޮކްސިޖަން ހިފެހެއްޓޭނަމަ، އަނގަޔަށް ލައްވާފައި އޮތް ހޮޅި ނައްޓާލާނަން.. ބައެއްފަހަރު މިފަދަ ކޭސްތަކުގަ ، މިހާ ހިސާބުން ހޭ އަރާ ވީކް އެއް ދެ ވީކް އެއްގެ ތެރޭގަ.. މިހެން ބުނި ކަމުގައި ވީ ނަމަވެސް މިއީ ވަގުތު ވެސް ނަގާފާނެ މަރުހަލާއެއް… އެކި ފަހަރު އެކި ގޮތައް ވެގެންދަނީ… މިބުނި މުއްދަތައް ވުރެން އަވަހަށް ވެސް ހޭ އަރާފާނެ އަދި ލަހުން ވެސް ހޭ އަރާފާނެ.. ބަލިމީހާގެ ފަރާތުން ފެންނަ ކޮންމެ ކުޑަ ކުރިއެރުމަކަށްވެސް ސަމާލުކަންދީ، އުންމީދު ކަނޑާނުލާ ފަރުވާ ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެންނަށް އެއްބާރުލުން ދިނީމަ ރަނގަޅުވާނެ.” ޑޮކްޓަރުގެ ވާހަކައަށްފަހު މަޙާއަށް އަވަސް އަވަހަށް ބޯޖަހައިލެވުނު އިރުދެލޯ ވިދައިގަތެވެ. ދެން އެމީހުން އުޅެމުން ދިޔައި މާކިންއަށް އެވަގުތު ދޭން ޖެހޭ ފަރުވާ ތަކާއި ގެން އަވަސްވެގެންނެވެ. ޑޮކްޓަރުން އޭނާ ގާތު ބޭރަށް ނުކުތުމަށް އެދުމުން އެކަމަށް އިޖާބަ ދީފައި މަހާ ބޭރަށް ނުކުތެވެ.
ބޭރުގައި ހުރި އަރާމު ވެލްވެޓް ގޮނޑި ތަކުގައި އިށީންދެލަމުން އަތުގައި އަޅުވާލާފައި އޮތް ވޫލްކޮލު ނައްޓާލަމުން ރާޅު ބާނީ އިސްތަށިގަނޑު ހައްޔަރު ކޮށްލިއެވެ. ފޯނުނަގާފައި ގަޑި ބަލައިލި އިރު ލަންޑަންގެ ގަނޑީން ހަވީރު ފަހެއް ޖެހީއެވެ. މަހާ ވިސްނާލިއެވެ. އެ ހަބަރު ދޭން އޭނާ ގުޅާނީ ކާކަށް ހެއްޔެވެ. ގައިމުވެސް ޝާއިރާއަކަށް ގުޅާކަށް ހިތެއް ނޭދުނެވެ.
“މިހާރު ރާއްޖެ އަށް ރޭގަނޑު ނުވައެއް ޖަހަނީ ދޯ..ޝާއިރާއަށް މާކިން ގެ މި ހަބަރު ދީފިއްޔާ ގޯހެއް ހަދާފާނެ.. އެހެންވާކަށް ބޭނުމެއް ނޫން.. މާކިން އެހާ ހާލު ދެރަ ވެފަ އޮތްވާ އިތުރު އަނިޔާއަށް ލިބޭކަށް އަހަރެންގެ ހިތެއް ނޭދޭ.. މި ތިއްތިބެ ވެސް ފޯނު ނަގަނީއެއް ނޫނޭ.. ދެން ކާކަށް ތަ އަޅެ ގުޅާނީ ވެސް.. ދެން ހުރީ އެ ފޮނި ސަދަފް..” މަހާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. މާކިންއާއި ބެހޭ ގޮތުން މާ ބޮޑު ކަމެއް ނޭގުނު ނަމަވެސް ޝާއިރާގެ ހަގީގަތަކީ މަހާއަށް އަށް މީހަކު އިތުރަށް ބުނެދޭން ޖެހޭނެ ހަޤީގަތެއްނޫނެވެ. މަޖުބޫރުން އެތާގައި އޭނާ ބެހެއްޓުމަށްފަހު މާކިންއަށް ބެލުމަށް ބުނެ ޝާއިރާ ރާއްޖެ ދިޔަ ގޮތައް މަހާގެ ލޮލަށް އޭނާ ދެން ނުފެނެއެވެ. އެއް އަހަރުވެގެން ދިޔައިރު އަމިއްލައަށް ފެނިގެން ޝާއިރާ ނުގުޅައެވެ. މަންހާ ފިޔަވައި ޝާއިރާގެ އިތުރު ދަރިއަކު ހުންނަކަން ވެސް އޭނާ ނުދެނެ ހުރި ފަދައެވެ. މަހާއަށް ރަނގަޅީ ވެސް ޝާއިރާ ވީހާ ވެސް ދުރުން އޭނާއާއި އުޅުނިއްޔާއެވެ.
“އެންމެ ކްލޯޒް ވާނީ ވެސް ދޮންބެއާއި ތިއްތިބެއާއި.. ކޮންމެ ވެސް މީހަކާއި މި ވާހަކަ ޝެއަރ ކުރަން ބޭނުން… ކިހިނެތް ހަދާނީ.. ހޫމް އަނެއްކާ ވެސް ގުޅަން ވެއްޖެ” މަހާގެ ފޯނު ނަގާފައި ވިޝާމްގެ ނަމްބަރަށް އޮއްބާލީ ނަގާފާނެ ކަމުގެ އުއްމީދެއް އޮވެގެންނެއް ނުނެވެ. ނަމަވެސް ހައިރާން ކޮށްލާފައި މި ފަހަރު ފޯނު ނެގިއެވެ.
***
“ހެލޯ، ؟” ޒަންޔާ ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ގޮވާލިއެވެ. ބޭރު ނަމްބަރެއް ކަމުން އޭނާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ނަމްބަރު ސޭވް ކުރުމަށް ވިޝާމް ޖަހާފައިވާ ނަމުން އެއީ ގާތް ފަރާތެއް ކަން އެނގުމުން ޒަންޔާ އެ ފޯނު ނަގަން ގަސްތުކުރީއެވެ.
“މިއީ މަހާ، ކޮބާ ތިއްތިބެ؟ ތިއީ ފަހަރިތަ؟” ކާކުކަން އެނގުމުން ޒަންޔާގެ ދެލޮލަށް އައިސް ހުރި ނިދި ވެސް ފިލައިފިއެވެ. ދެދުވަސް ވަންދެން ރަނގަޅަށް ނުނިދާ ހުރުމުން ވިޝާމް، އަށެއް ވެސް ނުޖަހަނީސް އޮތީ ނިދަން އަރާފައެވެ. ނަމަވެސް ވިޝާމްގެ ފައި ގާ އަތުން ތަޅައިގަތް ގޮތައް ގޮވާ ހޭލެއްވިއެވެ. ހަނިގޮތައް ދެލޯ ހުޅުވާލައިގެން އޮވެ ކިހިނެތްވީހޭ އެހުމުން ފޯނު ސްޕީކަރަށް ލަމުން ޒަންޔާ ދައްކާލީ ޑިސްޕްލޭއެވެ. ވަގުތުން ތެދުވެ އެނދުގައި އިށީންދެއްޖެއެވެ. އޭރު ވިޝާމްގެ ދެލޮލުގައި ވެސް ނިދީގެ ކަމެއް ނެތެވެ.
“މަހާ ތަ؟ މާކްގެ ހަބަރެއް ދޭން ތަ؟ ހައު ހިޒް ހީ؟ ” އަވަސް ވެފައިވާ ހިތަކާއި އެކު ޒަންޔާއެއް އެހުނެވެ.
“ތިއްތި-.. ވެއިޓް މާކިން އޭ؟ މި މާކިން ތަ؟ ވެއިޓް، ހައު ޑިޑް ޔޫ އޯލް ނޯ އެބައުޓް ހިމް؟” ހައިރާންވެފައިވާ އަޑަކުން މަހާއަށް އެހުނެވެ.
“ޖަސްޓް ޓެލް މީ، އިޒް ހީ އޯކޭ؟” ޒަންޔާ ސުވާލު ތަކުރާރް ކޮށްލިއެވެ. ވިޝާމް ވާހަކަ ދެއްކިއެވެ. މާކިންގެ ހާލު އެހިއެވެ.
“މާކިން މިހާރު ކުރިއަށް ވުރެން ރަނގަޅު.. އަހަރެން ހީކުރީ ވެޑިންގްއަށް ނުދެވުނީމަ ތިއްތިބެ ރުޅިއައިސްގެން ކަމަށް އެވަރަށް ގުޅީމަ ވެސް ފޯނު ނުނެގީ” ދެރަވެލާފައި މަހާ ވާހަކަ ދެއްކިއެވެ. ވަގުތުން ނޫނެކޭ ބުނެ އެކަމާއި ދެކޮޅުހެދިއެވެ.
“ދެން މަހާއްކޮ ވެސް ދޯ.. ތިއްތިބެއަށް ވެސް އެނގެއޭ .. އެއުޅޭ މެޑަމް ބުންޏޭ ކޮލެޖް އެގްޒާމްގެ ވާހަކަ.. ކުއްލިއަކަށް ރޭވުނު ކައިވެންޏެއް ވީމަ މަހާއްކޮ އަށް ވެސް އުނދަގޫ ވާނެ އެންނު އެގްޒާމްގެ މެދު ތެރެއިން އަންނަން.. ކުޑަކޮން ވެސް ރުޅި އެއް ނާދޭ.. ތިތާގެ ގަޑިއާއި މިތަނުގެ ގަޑީގެ ތަފާތު ހުންނަ ގޮތުން ގުޅަން ނޭނގިގެން މެސެޖެއް ކޮށްލެވެނީ”
“އޭންން! ކޮލެޖް އެގްޒާމޭ! ކާކު ކިޔަވަން ދަނީ؟” ހައިޜާންވެ ހުރެ މަހާއަށް އެހުނެވެ.
“މަޙާއްކޮ އެއްނު”
”ވަޓް ދަ، މަ ކޮން އިރަކު ކިޔަވަން ދާންފެށީ؟.. ޝާއިރާ ހަދާފާނެ ކޮންމެފަދަ ދޮގެއް ވެސް .. އޭނަގެ ޕްލޭންތައް ސަލާމަތް ކުރަން ދޮގުހަދަނީ އެ.. އޭނާގެ ސަބަބުން ކިޔެވުން ހުއްޓާލާފަ ހުންނަތާ އަހަރެއް ވެއްޖެ.. މާކިންގެ ކައިރީގަ އައިސް މިހުންނަނީ ޝާއިރާ ބުނެގެން، އެކަމަކު މިހާރު މި ފިރިހެން ކުއްޖާ ދޫކޮށްލާފަ ދާކަށް ބޭނުމެއް ނުވޭ.. އަހަންނަށް ހިތް ބުނަނީ ކޮންމެވެސް ކަމެއް އެބައުޅޭ ހެން.. ޝާއިރާ އަކީ ކާކުކަން އަހަންނަށް އެނގޭނެ ތާ” މަހާގެ ކޮންމެ ޖުމްލައެއް ވިޝާމްއާއި ޒަންޔާއަށް ލިބެމުން ދިޔައީ ވަރުގަދަ ސިހުމެވެ.
“ވަޓް؟” ވިޝާމް ބުނެވުނެވެ.
“ނިއުޔޯކްގަ ކިޔަވަން ހުއްޓަ ޝާއިރާ އަހަރެން ލަންޑަންއަށް ގެނައީ އަހަރަކާއި ދުވަސްކޮޅެއް ކުރީން.. އެއީ އޭލެވެލް އަށްފަހު ކިޔަވަން ދިޔަތާ ދެ މަސް ވަރު ފަހުން.. އާދެވޭނެ ހޭ އަހައެއް ވެސް ނުލާ އަދި އިންޒާރެއް ވެސް ނުދޭ .. އެދުވަހު ކޮލެޖުން ގެއަށް އައިސް ވަތްއިރު މީނައާއި އާޝިއު ދެން އެބުނާ ހޫގޯ އަކު އައިސް ތިބި.. އަހަރެންގެ ފޮށިވެސް ރެޑީ ކޮށްފަ އިނީ.. އެތަނުން ގެނައި ގޮތައް މިއުޅެނީ ލަންޑަންގަ.. ލަންޑަންގަ އުޅެފަ ނިއުޔޯކަށް ދެވުނު ހިސާބުން އުއްމީދު ކުރިން ދެން ޝާއިރާގެ ކައިރިން ސަލާމަތް ވީއޭ.. އެކަމަކު އެހެނެއް ނުވި.. ޝާއިރާގެ ވަރަށް ކުރީގެ ޕްލޭނެއް ހެން ހީވަނީ މީ.. އެއީ ކުރިން އަހަރެން ނިއުޔޯކްއަށް ކިޔަވަން ދިޔަ ކަމެއް ތިގޭ އެއްވެސް މިހަކަށް ނޭނގޭނެ..އޭރުވެސް އަޑު އަރުވާފަ އޮތީ ލަންޑަންގަ އުޅޭ ކަމަށް..ދެން މާކިންގެ ކައިރިއަށް ގެނަ ދުވަހު ވެސް މާކިން އޮތީ މިހެން.. ނަރުސް ކުއްޖެއްގެ ފުށުން އަޑު އެހިން މާކިން ކައިރިއަށް އަހަރެން އައިތާ ތިން ދުވަސް ކުރިންނޭ މާކިން ހޮސްޕިޓަލަށް ގެނައީ.. އަހަރެން އައި އިރު ވެސް ވަރަށް ހާލު ދެރަ.. ހަމަ ކިރިޔާ ދުނިޔޭގަ އޮތްކަން.. މި ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެނިކޮން ކޯމާއަކަށް ދިޔައީ… އޭރު މާކިންގެ މޫނުމަތީގައި ވެސް ގައިގެ އެކި ތަންތާގަ ވެސް ހުރި ބޭސް އަޅާފަ.. މިހާރު އެ މަލަންތައް ނައްޓާފަ.. އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް އެ ލަކުކުނުތަކުގެ އަސަރު އެބަހުރި މާކިންގެ މޫނުމަތީގަ..މި އަނިޔާތަކާއި ކަނދުރާއަށް އަރާފަ ހުރި ވަޒަނެއްގެ ސަބަބުން އޭނަ ކޯމާއަކަށް ދިޔައީ.. ތިއްތިބެ ފޯނު ނުނަގައިގެން އެއްފަހަރު މި ދޭތެރޭގަ އެދުނިން މާލެ ދާން ..ދެތިން ދުވަހަށް ވިޔަސް.. އެކަމަކު ޝާއިރާ އެއްބަހެއް ނުވި.. ދެން ބުނީ، އިތުރަށް މާލެ ދާ ވާހަކަ ދައްކައިފިއްޔާ ހޫގޯގެ މީހުން ފޮނުވައިގެން އަނިޔާ ކުރާނެ ވާހަކަ.. އަހަންނަށް އެނގޭ އެހެން އޭނަ ބުނެފިއްޔާ އަނިޔާ ކޮށްފާނެ ކަން.. އެހެންނޫނަސް މާކިން ބާއްވާފައި ދިއުން އެހާ ސޭފް ކަމަކަށް ވެސް އަހަންނަކަށް ނުފެނުނު.. އެހެންވެ މަޑުކޮށްލައިގެން މިހުންނަނީ” މަހާ ކިޔައިދިނެވެ. ޒަންޔާއާއި ވިޝާމްއަށް ތިބެވުނީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. މާކިންގެ ގަޔަށް ވަޒަން އެރިކަން ޔަގީން ވުމާއި އެކު ޒަންޔާއަށް ރޮވުނެވެ. އެވާހަކަ ތައް ކިޔައިދެމުން ދިޔައިރު ޝާއިރާއާއި މެދު މަހާގެ ހިތުގައި ޝަކުވާ އުފެދިފައިވީ ވަރު ހާމަވެއެވެ. އެހާ ޅަ އުމުރުގައި އެފަދަ ދަތި ހާލެއް އަމިއްލަ ދަރިއަކަށް ޖެއްސި މީހަކު އެހެން މީހުންނަށް ހަދާނީ ކިހިނެއް ހެއްޔެވެ.
“އެކަމަކު މަހާއްކޯ، ހަމަ އެއްގޮތަކަށް ވެސް ހިއެއް ނުކުރަން ޝާއިރާ މިހާ ދަށް ލެވެލްއަކަށް ވެއްޓިދާނެއެކޭ.. އޭނަ އަނިޔާ ވެސް ކުރޭތަ؟” ވިޝާމްގެ ލޭ ކެކޭ ގޮތް ވިއެވެ. އެތަނުގައި މަހާ އެކަނި ބަހައްޓަން އެންމެ ހިނދުކޮޅަކަށް ވެސް ދެން އޭނާއަކަށް ކެތެއް ނުވާނެއެވެ.
“އާން.. ވަރަށް ގިނައިން އަނިޔާ ކުރޭ.. ކުރިން ވެސް ބުނާ ގޮތް ނުހަދަންޏާ އަނިޔާ ކުރާނެ.. ކައިރީގަ ޝާއިރާ ހުރިއްޔާ އޭނަ.. އޭނަ މާލޭގަ ނޫނީ ސްޕެއިންގަ ހުރިއްޔާ، ހޫގޯ ލައްވާ މީހުން ގެނެސް ވެސް އަހަންނަށް އަނިޔާ ކުރާނެ..” މަހާގެ އަޑުން ރޮމުން ދިޔަކަން ފާހަގަ ވެއެވެ. ނަމަވެސް އެއަށް ވުރެން ބޮޑަށް ވިޝާމްވެސް ޒަންޔާގެ ވެސް ސަމާލުކަން ހުއްޓުނީ ޝާއިރާ ސްޕެއިންއަށް ދާ ވާހަކަ މަހާ ބުނުމުންނެވެ.
“ސްޕެއިން އޭ؟ ކީކޭ ؟”
”އާންން.. އޭނަ މާލެ ދިއުމުގެ ކުރިން ދާނެ އަހަރަކު އެއްފަހަރު ކަހަލަ ގޮތަކަށް ސްޕެއިންއަށް.. ދެން ފަހުން ފަހުން ދިޔަ މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް … ދެން މިހާރު ނުދާނެ އެންނު ، މާލެގަ އުޅޭތީ” މަހާ ބުނެލިއެވެ. އެއާއި އެކު ހިތައް އަރައިގެން ދިޔަ އެއްޗަކުން ވިޝާމްގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ރުއިމުގެ ތެރެއިން، ޒަންޔާއަށް ވެސް އަނގަމަތީގައި އަތް އެޅުނެވެ.
“ހަމަ އަސްލަށް ވެސް ސްޕެއިންއަށް؟ ޝާއިރާ ސްޕެއިންއަށް؟”
“ކިހިނެތް ވީ ތިއްތިބޭ؟ ކަމެއް ގޯސްވީތަ؟ ” ވިޝާމްއަށް ބަދަލް ފާހަގަ ވެގެން މަންހާއަށް އަހާލެވުނެވެ. ނަމަވެސް އައީ ހަމަހިމޭން ކަމެވެ. ދެމީހުން ކުރެ އެކެއްގެ ފުށުން ވެސް ޖަވާބެއް ނައެވެ. “ކަމެއް ވީތަ؟ ކިޔައިދީބަ .. އިނގެންވާނެ ޝާއިރާއާއި ދެކޮޅަށް ކޮންމެ މީހަކު ކަމެއް ކުރިޔަސް އެމީހަކާއި އެއްބައިގަ އަހަރެން ހުންނާނެކަން.. ތިއްތިބެއަށް ނޭނގޭނެ ވަރަށް ގިނަ އެއްޗިސް އެބަހުރި.. މިހެން ފޯނަކުން ނުކިޔައި ދެވޭނެ.. އެކަމަކު މާލެ ދެވުނު ހާ އަވަހަކަށް ކިޔާދޭނަން” އަހަރުތަކެއް ވަންދެން ނުބުނަން ހިތުގައި ބަނދެފައި ބާއްވަމުންދާ ސިއްރުގެ މަތިން ހަނދާން ކޮށްލަމުން މަހާ ބުނެލިއެވެ. ނަމަވެސް އެވާހަކަ ބުނާކަށް އޭނާގެ ހިތުގައި ނެތް ފަދައެވެ.
“ކޮން ވާހަކައެއް؟ ކިޔައިދީބަ އަދިވެސް ފޮރުވައިގެން ދޯ؟”
“ނޫން.. ރަނގަޅު ވަގުތު ޖެހުނީމަ ކިޔައިދޭނަން.. އެކަމަކު ޝާއިރާ ސްޕެއިނަށް ދާ ހަބަރު ލިބިގެން ތިއްތިބެ ތިހާ ޝޮކް ތިޖެހުނު ސަބަބެއް ބުނެދީބަ” މަހާ އަނެއްކާ ވެސް ބުނެލުމުން ވިޝާމް ބަލައިލީ ޒަންޔާގެ މޫނަށެވެ. ޒަންޔާ ބޯޖަހައިލީ ކިޔައިދިނުމަށް އެދިއެވެ. ވިޝާމް ފުރަތަމަ ފެށީ އަމީރާގެ ވާހަކައިންނެވެ. ހުރިހާ ކަމެއް ފެށިގެން ނިމެންދެން ކިޔައިދިނެވެ. އަމީރާއަކީ އަމާޔާކަން ދެނެގަނެވިފައިވާ ވާހަކަ ބުނި ހިނދު މަހާއަށް ކެތެއް ނުކޮށްލެވުނެވެ. މަހާގެ ރުއިމުގެ އަޑު އަހާފައި ވިޝާމް ވެސް ދެރަވިއެވެ.
މަހާއާއި އަމާޔާގެ ގާތް ގުޅުމަކީ މުޅި އާއިލާއަށް އޮޅިފައި އޮތް ގުޅުމެއް ނޫނެވެ. ތުއްތު އިރުންސުރެން އެކުގައި އުޅުނު އިރު ދެ އަންހެންކުދިން ބައްދަލްވާ ކޮންމެ ހިނދަކު އަބަދުވެސް ތިބޭނީ އަތުގުޅާލައިގެންނެވެ. ހިނދުކޮޅަކަށް ވެސް އަތުން ދޫ ނުކޮށްލާނެއެވެ. އަމާޔާގެ ސިފަޔާއި މަހާގެ ސިފަ ވައްތަރު ކަމުން އެވާހަކަ އާއިލާގެ ތެރޭގައި ވެސް އަބަދުވެސް ދެކެވޭނެއެވެ. ދެ އަންހެން ކުދިންގެ ބުޅި އިސްތަށިގަނޑާއި ލޯ އެއީ އެންމެ ވައްތަރު ސިފައެވެ. އަމާޔާ ގެއްލުމުން މަހާގެ ހާލަތު ނުހަނު ގޯސްވިއެވެ. އެހާ އެކުގައި އުޅުނު ކުއްޖަކު ކުއްލިއަކަށް ވީނުވީއެއް ނޭނގި ގެއްލުމުން، އެކަން ވެގެން ދިޔައީ މަހާގެ ކުޑަކުޑަ ސިކުނޑިއަށް ބަރުދާސްތު ކުރަން ފަސޭހަ ކަމަކަށް ނޫނެވެ. ނަފްސާނީ ގޮތުން މުޅި ކުއްޖާ ބަލިވީއެވެ. ކުއްލިއަކަށް ލަންޑަނަށް ދިރިއުޅުން ބައްދަލު ކުރަން ޝާއިރާ ދައްކާފައިވާ ބަހަނާއަކީ ވެސް އެއީއެވެ. އަމާޔާ ގެއްލުނުތާ ހަފްތާއެއްހާ ދުވަސް ފަހުން ޒައީމްއާއި ޝާއިރާގެ ކައިވެނި ރޫޅުނެވެ. އެފަހުން އާމިޅާގެ ކައިރީގައި ޝާއިޜާ އާއި ދެކުދީން މަޑުކުރީއެވެ. އޭގެ ހަތަރު މަސްފަހުން ޝާއިރާއާއި އާޝިއުގެ ކައިވެނި ވަނީ ކުރެވިފައެވެ. އެފަހުން އެއާއިލާ ލަންޑަނަށް ބަދަލުވެ ޗުއްޓީއަކަށް ވެސް ރާއްޖެ ނާދެއެވެ.
އެތައް ދުވަހެއް ފަހުން އަމާޔާ ދުނިޔޭގައި ހުރިކަން އެނގުމުން މަހާގެ ހިތައް ނުހަނު އަސަރު ކުރިއެވެ. ރޮވެމުން ދިޔައިރު އެއަޑުގައި ވަނީ ތުރުތުރެއް ހިފާލާފައެވެ. އަމާޔާގެ ނަމުގައި އަމީރާ އުޅެމުން ދިޔަ ނަމަވެސް މަހާގެ ފަރުވާލެއް ނެތެވެ. އޭނާ ބޭނުންވީ އެއަންހެންކުއްޖާއާއި ބައްދަލުކުރާށެވެ. އެހެނަސް، އެކަން ވުމަކީ މިވަގުތައް މުސްތަހީލްކަމެކެވެ. ރޮމުން ރޮމުން މަހާ އެވާހަކަ ބުންޏެވެ. އަމީރާއާއި ބައްދަލް ބޭނުންވާ ކަމަށް ބުނުމުން ވިޝާމް ވެސް ޒަންޔާވެސް ވިސްނައިދިނީ އެއީ މިވަގުތައް ރަނގަޅުކަމެއް ނޫން ކަމުގައެވެ. މާކިންގެ ވާހަކަ ކިޔައިދިނީ ޒަންޔާއެވެ. އެވާހަކަ އެނގެމުން ދިޔަ ވަރަކަށް މަހާގެ ހިތައް މާ ބޮޑަށް އަސަރުކުރިއެވެ.
“މާކްއާއި އެމީ ވަރަށް ކްލޯޒްކޮން ސްޕެއިންގަ އުޅުނީ.. ދެންމެ މިކިޔައިދިނީ ވީ ގޮތް … ހީވަނީ ޝާއިޜާގެ ރޭވުމެއް މިކަމުގެ އަޑީގަ ވެސް އުޅޭހެން.. އެނޫން ނަމަ ކިހިނެތް ޝާއިރާއަށް މާކް އެނގެން ވީ.. އެމީއަށް ވެސް އެނގޭނެ މިހާރު މާކް ހޮސްޕިޓަލުގަ އޮތްކަން.. ވަރަށް ބޮޑަށް ސަކަރާތް ވެފަ ހުރީ .” ޒަންޔާ ބުނެލިއެވެ.
“ކޮންކަހަލަ ބިރެއް ޝާއިރާ ދެއްކި ވާހަކަ، މަހާއްކޮ ތިބުނީ ތިތާގަ މަޑުކުރުވަން؟”
“އެއީ މިބުނާ ސިއްރު، އަދި ބުނާނަން، ސޯ ހިނގާ އަމީރާއަށް ޖަސްޓިސް ހޯދާދޭން.. އަދި މާކިންއަށް ވެސް.. އަހަރެން ބައިވެރި ވާނަން… ޕްލީޒް؟” މަހާގެ އަޑުން ވިޝާމް ދެވަނަ ވިސްނުމަކާއި ނުލާ އާންބަސް ބުންޏެވެ.
އިރުކޮޅަކު ހަމަހިމޭން ކަމަކަށް ފަހު މާކިންގެ ހާލަތު މަހާ ކުޑަ ގޮތަކަށް ކިޔައިދޭން ފެށިއެވެ. ޑޮކްޓާރުން އެންމެ ފަހުން ބުނި ވާހަކަތައް ކިޔައިދިނެވެ.
“ތިހެންވީ އިރު ޑޮކްޓަރުންނާއި ޥާހަކަ ދައްކައިގެން މާކިން ގެންނަން ފެންނަނީ.. މާދަމާ މަންމައާއި ވާހަކަ ދައްކާފަ މަހާއްކޮއަށް ގުޅާލާނަން.. ޑޯންޓް ވޮރީ ، ކުއްޖަކު ފޮނުވާލާން އެބަ.. ކަމެއް ވިއްޔާ ލަސްނުކޮށް ތިއްތިބެ އަށް ގުޅައްޗޭ” ވިޝާމް ބުނެލިއެވެ.
“ތެދެއް ބީ ކެއަރފުލް..” ފޯނު ބޭއްވުމުގެ ކުރިން ޒަންޔާ ވެސް ޥާހަކަ ދެއްކިއެވެ.
ކަންފަތުން ވަކިކޮށްލި ފޯނާއި އެކު މަހާއަށް އަނެއްކާ ވެސް ރޮވެން ފެށުމުން ވަނީ ކޮޓަރިއަށެވެ. މާކިން އޮތް އެނދާއި މަގަތުގައި އިން ގޮނޑިއާއި ހިސާބަށް ދެވުނީ ކިރިއާއެވެ. ބަނޑިފަޅައިގެން ދިޔައެވެ. އެނދުގައި އޮތް ހުސް ޖާގައިގާ ބޯއަޅުވާލިގޮތައް ރޮވުނީއެވެ.
****
ހެނދުނު ވެގެން އައި އިރު އިރަމްއަށް ހޭލެވުނީ ކަނދުރާއަށް ނާރެއް އަރައިގެން ދިއުމުންނެވެ. ކޮލެޖު ބަންދަށްފަހު އަލުން ކުލާސްތައް ފެށިފައި ވާތީ ރޭގައިވެސް އިރަމްއައީ ކޮލެޖަށް ގޮހެވެ. ގެއަށް އައި އިރު އަމީރާ ރޯން އިން މަންޒަރު ފެނި، އަމީރާގެ ގާތުގައި އިށީންގޮތައް އޭނާއަށް އޮވެވުނީ ހެޑްބޮޑުގައި ލައްވެ ފާޑަކަށް އަރިވެވިގެންނެވެ. އެކަމުގެ ސަބަބުން ކަނދުރާއަށް އަރާފައިވާ ތަދުން އިރަމްގެ ދެލޮލުން ފެން އަންނަ ވަރުވިއެވެ. އެ ތަދު އުނަގަނޑާއި ހިސާބަށް ހަރުލާފައިވީ ގޮތުން ނުހަނު އުނދަގުލުން ފޯނު ހޯދާލީ ފޯނަށް މެސެޖެއް އައި އަޑުއަޙާފައެވެ. ކާކުގެ މެސެޖެއްތޯ ބަލާލަން ޑިސްޕްލޭ ދިއްލާލި ވަގުތު އައިސް ހުރި ނިދިކޮލުވެސް ފިލައިގެން ދިޔައީ ސަދަފްގެ ނަން ފެންނަން އޮތުމުންނެވެ.
“މީނަ ކޮން އިރަކު އަހަރެން އަންބްލޮކް ކޮށްލީ؟” ދެލޯ ބޮޑުވެފައި ހުރެ އިރަމް އެ މެސެޖް ބެލިއެވެ. ސަދަފް އަހާފައި އޮތީ އަމީރާ ކިހިނެތް ތޯއެވެ. އިރަމް ބަލައިލީ ނިދިފައި އޮތް އަމީރާގެ މޫނަށެވެ. އިރަމްގެ ފައިން އަމީރާގެ ގައިމަތީގައި އޮތް ކުއިލްޓް ރަނގަޅު ކޮށްލަދިނެވެ. އަދިވެސް އެދެވޭ ފަދަ ބަދަލެއް ނާދެއެވެ. ބަރާބަރަށް ޑިއުޓީއަށް ދެއެވެ. ނަމަވެސް އެ މޫނުމަތި ހުންނަނީ މިލާ މޯޅިވެފައެވެ. އެހެންމީހުންގެ ކުރިމަތީގައި ހަމަޖެހިލަން މަސައްކަތް ކުރި ނަމަވެސް އެ އަންހެންކުއްޖާ އަމިއްލަ ނަފްސާއި ކުރާ ހަނގުރާމަ އިތުރު މީހަކަށް ނޭނގެނެތާއެވެ.
އަމީރާގެ ހާލަތާއި ބެހޭގޮތުން އެއްޗެއް ބުނަން މެސެޖުކުރަން އިނގިލިތައް ހަރަކާތް ކޮށްފައި ވެސް އިރަމް މަޑުޖައްސާލިއެވެ.
“މިހުރިހާ ދުވަހަކު އަހަރެން ބްލޮކޮ ކޮށްގެން ގެންގުޅެފަ ކޮންމެހެން އެމީގެ ހާލު ބަލަން މެސެޖް ކުރަންވީ ވަކި ކީއްކުރަން.. ދޮންބެއަށް މެސެޖް ކުރާނީ އެއްނު.. މްމްމް، މޭބީ ހީ ވިލް ނޯ އެބައުޓް އެމީ ކަންނޭގެ.. އެހެންނޫނީ އެމީގެ ވާހަކަ ނާހާނެތާ..އެދުމެއް ނެތި ވެދުމެއް ނުކުރެވޭނެ.. މި ރަނގަޅު ގޮތެއް އެމީއަށް މިއައި ބަދަލު ހޯދަން.. އެކަމަކު ކިހިނެތް ހަދާނީ.. މެސެޖް ކުރަންވީބަ” ފޯނާއި ދިމާ ބަލަން ހުރެ އިރަމް ކުދިކިޔާލިއެވެ. އިރުކޮޅަކު ވިސްނުމުގައި ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. ‘އައި-މެސެޖް’ ކަމުން އޭނާ މެސެޖް ބެލިކަން ސަދަފްއަށް އެނގޭނެތީ އިރަމްއަށް އެކަމާއި ވެސް ވިސްނާލެވުނެވެ. މިފަހަރު ޔަގީނުންވެސް ސަދަފްއަށް ‘އިގްނޯރ’ ކުރާކަށް އިރަމް ބޭނުމެއް ނުވިއެވެ. ޖަވާބުގައި ފޮނުވާލަން ލިޔެލާނެ މެސެޖަކާއި މެދު ވިސްނަމުން އެހެން އޮވެފައި އިރަމް ތެދުވެލަން އުޅުނެވެ. އެވަގުތުވެސް ވެގެން ދިޔަ ތަދުން އިރަމްއަށް ތޫލި ހަލޭކެއްގެ އަޑު އަނގައިން ބޭރުކޮށްލެވުނެވެ.
“އާޙްޙް!” އަމީރާއަށް ނިދިފައި އޮތުމުން އަޑެއް ލައްވާ ނުލާ ތެދުވަން އުޅުނު ނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. އަމީރާ ދެލޯ ހުޅުވާލާ ބަލައިލިއެވެ.
“އިރޫ.. ކިހިނެތް ވީ؟” އިރަމް އިން ގޮތުން އަމީރާ ތެދުވެ ހާސްވެފައިހުރެ އަހައިލިއެވެ.
“ހެލްޕް މީ.. އައި ކާންޓް މޫވް..އާހްހް” ކަރަށް ވާ ތަދުން އިރަމްއަށް ރޮވުނެވެ. އަމީރާ އެހީވެ ނަގައި ދިން ނަމަވެސް އުނަގަނޑަށް ވެސް ނުބައި ޒާތެއްގެ ތަދެއް ހުރީ ހިފާލާފައެވެ. އެކަމުގެ ސަބަބުން ކުރިޔަށް އެންމެ ފިޔަވަޅެއް އެޅުމަށް ވެސް ވީ ބޮޑު ވޭނަކަށެވެ.
“ކިހިނެތްވީ ދަރިފުޅާ؟” އިރަމްގެ އަޑަށް ބަދިގޭގައި އުޅުނު މަޖުދާ ވެސް ދުވެފައި އައިސްފިއެވެ. ނުހަނު އުނދަގުލުން ނާރެއް އެރީއޭ އިރަމް ބުނެލިއެވެ. އަދި ގައިގާ ރިއްސާ ވަރުން ކޮޅަށް ވެސް ނުހުރެވޭނެ ކަމަށް ބުނުމުން މަޖުދާ އެދުނީ ހޮސްޕިޓަލަށް ދިއުމަށެވެ.
“ނޫންން… އަދި ނުވޭ ދާކަށް.. މަންމާ އެކަމަކު ހާދަ ތަދެއް ވެއޭ.. އާހްހް” އިރަމްއަށް ރަނގަޅަށް ވެސް ރޮވެމުން ދިޔައެވެ. އެންމެ ފަހުން އަމީރާއާއި މަޖުދާގެ އަތުގައި ހިފައިގެން ލިވިންގްރޫމަށް ނެރެފިއެވެ.
“އޭތް ކިހިނެތްވީ؟” އިރަމްއަށް ވެފައި ހުރި ގޮތުން ކޮޓަރިން ނުކުތް ނަދީމް ވެސް އައިސްފިއެވެ. މަޖުދާ ވެގެން އުޅޭ ގޮތް ކިޔައިދިނުމުން ނަދީމް ވެސް ބާރު އަޅަން ފެށީ ހޮސްޕިޓަލަށް ދިއުމަށެވެ.
“ނިކަން ފީ ވެސް މީހެއް މިއީ.. ދެން ހަމަ ރޮއެފާނެ ހުރެގެން… ހިނގާބަލަ އިއްތާލަން.. މަންމަ އަންނާނަން ތައްޔާރު ވެލައިގެން ހޮސްޕިޓަލަށް ދާން ..ބަލާ މި އިނީ ޔޫވީ އާއި ސަ..” މަޖުދާ ކޮޓަރިއަށް ދާންވެގެން މަޖުދާ އުޅުމުން އެކަމަށް އިރަމް ހުރަސް އެޅިއެވެ.
“ދެން މަންމާ.. ނޫނެކޭ.. އަހަރެން ކޮންމެ ދުވަހަކު މީހުން ގަޔަށް ކަށި ކޮއްޕާފަ އަންނަ އިރު އެމީހުންނަށް ތަދުވާހެން ، މަގޭ ގަޔަށް އެހެރަ ފަލަ ކަށިތައް ހެރީމަ ހާދަ ތަދެއް ވާނެއޭ.. ޔަގީނޭ އެ ނުލަފާ ޑޮކްޓަރުން އިންޖެކްޝަން ޖަހާނެކަން.. އާހްހް” ރޮމުން ރޮމުން އިރަމް ވާހަކަ ދައްކަމުން ދިޔަ ގޮތުން ނުހޭން މަސައްކަތް ކުރަމުން ދަނިކޮން ވެސް ތިންމީހުންނަށް ހެވެމުން ދިޔައެވެ. ސޯފާގައި އިށީންދެ އިން ސަދަފް ފެނުމުން އަމީރާ އާއި މަޖުދާއަށް ވަކިން ބޮޑަށް ހެވުނެވެ. އިރަމް އުޅެމުން ދިޔަ ގޮތް ބަލަން ސަދަފް އިން ގޮތުން ހީވީ ހޭން ބޭނުންވެ ހޭން ނުކެރިފައި އިންހެންނެވެ. އިރަމްއަށް ސަދަފް ހުރިކަން ނޭނގޭތީ އަދިވެސް ރުއިމަކަށް ބަދަލެއްނާދެއެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ ވެސް ގެންދިޔައީ ކުރިޔަށެވެ.
“ދެން މަންމާ ކީއްވެތަ ތިހެނީ.. މަޖާތަ ވަނީ އިރޫ ރޯ އިރުވެސް. ހާދަ ތަދެއް ވެއޭ.. ހީވަނީ މީހަކު އައިސް ކަރުގަ ހިފާ އަނބުރާ ހެން.. އުނަގަނޑުގަ ވެސް ހާދަ ވަރަކަށް ރިއްސައޭ.. އިރޫ އަށް ކަމެއް ވީމަ ތި އެންމެން އަބަދުވެސް ހޭނީ.. ހިތައް އަރާ މީހަކާ އިނދެގެން އުޅެވޭނެ ނަމައޭ.. އޭރުން އެމީހަކު މަށައް މަސާޖުކޮށްދޭނެ އެންނު.. ދެން މަންމާ..އާހް..އާހް” ދެލޯ ފުހެމުން ވާހަކަ ދެއްކި އިރު އިރަމް ކޮންމެ މީހަކަށް ވެސް ބަލަމުން ދިޔައީ މޫނު ވެސް ކުނިކޮށްލައިގެން ހުރެއެވެ. ހުރެވުނީ ނިދަންލާ ފުޅާ ހަރުވާޅާއި ގަޔަށް ދޫކަމުން އިތުރު މީހަކަށް ވަދެވޭހާ ދޫމިން ހުރި ޓީޝާޓެއްގައިކަން ވެސް އޭނާގެ ހަނދާނުގައި ހުރިހެން ހިއެއް ނުވެއެވެ.
“ބުރޯ، ޔޫވީ ގޮވައިގެން ދޯ” އިރަމް ސިހުނީ މީރާންގެ އަޑަށެވެ. ސޯފަގައި އިން ސަދަފް ފެނުނީ ވެސް އަދި ކިރިޔާއެވެ. އޮފީސް ހެނދުމުގައި ސަދަފް އިން އިރު މަގަތުގައި ޔޫވީން ވެސް އިނުމުން، އެވަގުތު އެގެއިން ސަދަފް ފެނުނީ ކީއްވެކަން ދެނެގަނެވުނެވެ. އަނގަމަތީގައި އަތުގެ ނުފުށުން އަތް ޖައްސާލައިގެން އިން ގޮތުން ސަދަފް ހެނީކަން އިރަމްއަށް ޔަގީންވިއެވެ. ދެލޯ ބޮޑުވެގެން ދިޔައިރު އަމީރާ އާއި މަޖުދާގެ މޫނަށް އިރަމް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ދެވަނަ ސިކުންތުގައި ބަލައިލެވުނީ ލައިގެން ހުރި އަންނައުނަށެވެ. ގަތް ލަދުން އެތާގައި ސިކުންތުކޮޅަކު ވެސް ހުންނާކަށް ބޭނުމެއް ނުވިއެވެ. އެކަމަކު ވާ ތަދުން އެކަނި ހާލަށް ނުތެދުވެވޭނެތީ އަމީރާގެ އަތައް ދަމައިލިއެވެ. ހިނިގަނޑު އެތެރެއަށް ހިންދަމުން އަމީރާ ވެސް އިރަމް ގޮވައިގެން ކޮޓަރިއަށް މިސްރާބު ޖެހިއެވެ.
“މީ.. ދާން ޖެހިއްޖެ.. ބާއީ ޔޫވީ” ހެވިދާނެތީ ސަދަފް ބޭނުންވީ އެތަނުން ވީ އެންމެ އަވަހަކަށް ނުކުންނާށޭވެ. އޭނާގެ މޫނަށް ބަލަ ބަލާފައި މަޖުދާ ހެމުން ދިޔަގޮތުން ސަދަފްއަށް ވެސް ހިފަހައްޓާލެވުނީ ކިރިޔާއެވެ.

“އޭތް ބޮނޑިތާން ކުރަންށޭ މިގެނައީ.. އާދެބަލަ އިރޫ” މަޖުދާ ގޮވާލި ނަމަވެސްއިރަމް ހުންނާކަށް ގަސްތެއް ނުކުރިއެވެ.
“އަޅޭ ދެން ހާދަ ލަދެކޭ… ޕިސް، ދެން އެމީ ވެސް ރަނގަޅޭ.. ނުވެސް ބުނަމެންނު” އަމީރާ ދިން ބޭސް ގުޅަ އަނގަޔަށް ލައިގެން އެނދުގައި އޮށޯވެލަމުން އިރަމް ފެށީ ޝަކުވާ ކުރާށެވެ.
އިރަމްގެ ސަބަބުން، އަމިއްލަ ހާލަތު ހަނދާން ނެތި ހިނދުކޮޅަކަށް ނަމަވެސް އަމީރާ ދިޔައީ ހެމުންނެވެ. އެމޫނުމަތީގައިވީ މޮޅިވެރިކަމުގެ ތެރެއިން ވެސް އުޖާލާކަން ދެއްކިއެވެ. އެއްޗެއް ބުނަން އުޅެފައި ވެސް އިރަމް މަޑުކޮށްލީ އެކަން ފާހަގަވެފައެވެ. އަމީރާއާއި ސުވާލުކުރަން ފުރުސަތު ލިބި ވެސް އެ ހިޔާލް ވެސް ދޫކޮށްލީ އެ އަސަރުތައް އަމީރާގެ މޫނުމަތިން ފިލައިގެން ގޮސްފާނެކަމުގެ ބިރަށެވެ. އެގޮތައް އެހިނިތުންވެލީ ވެސް ހާދަ ދުވަހަކަށް ފަހުއެވެ.
“ދައްތަ ބުނަން އުޅެނިކޮން އިރޫ ހިފެހެއްޓީއޭ.. ބުންޏެއްނު ޔޫވީއޭ.. ދައްތަ އަތް ވެސް ދިއްކޮށްލި އެދިމާލަށް” އަމީރާގެ އޭރުވެސް ދިޔައީ ހެމުންނެވެ. ތުން ނެރެލައިގެން އިރަމް އޮވެފައި އެނދުމަތިން ބާލީހެއް ނަގާ އަމީރާގެ ގަޔަށް އެއްލިއެވެ. އެކަމުން ވެސް ތަދުވީ އިރަމްއަށެވެ. ވަގުތުން އަނގައިން އަޑެއް ލައްވާލެވުނެވެ.
“ހަމަ އަސްލަށް ވެސް ނުދާނަން ތަ ހޮސްޕިޓަލަކަށް، އެހާ ތަދުވަންޏާ ނުވާނެ އެންނު ނުގޮސް ހުންނާކަށް”
“ދެންމެ މި ކާލީ ބޭސް ، ދެން ބަލާ ލާފަ ދާނީ ރަނގަޅު ނުވަންޏާ”
އިރަމް ޖަވާބު ދިނުމުން އަމީރާ ބޯޖަހައިލިއެވެ.
“މިއަދު ތެރެޕީއަށް ދާން ޖެހޭނެ ދޯ؟ މިރޭ ދޯ އެއީ.. ނިމިގެން ގުޅައްޗޭ، ދާނަން” އަމީރާ ތައްޔާރު ވެލައިގެން ނުކުތީ ޑިއުޓީއަށް ދިއުމަށެވެ.
“ޔެސް..އެބައޮތް ވާހަކައެއް ދައްކަން ވެފަ.. ތަންކޮޅެއް އަވަހަށް ބޭނުން ދިމާކޮށްލަން” އަމީރާ ނުކުންނަމުން ޖަވާބު ދިނެވެ. އިރަމް ބޯޖަހައިލިއެވެ. އޭނާ ދޮރު ހުޅުވާލާފައި ނުކުމެގެން ދިޔައިރު ވެސް އިރަމްއަށް ވިސްނުން ހިންގާލެވުނީ އަމީރާ ދައްކަން އުޅޭ ވާހަކައަކާއި މެދުގައެވެ.
***
އަމީރާ ގެއިން ނުކުތް ވަގުތު ކުރިމަތީގައި ހުރި ބައިގެ ފާރުގައި ލައްވެލައިގެން ހުރި އިޔާން ފެނި ދިޔައީ ފާޑަކަށް ސިހިގެންނެވެ. އިރުކޮޅަކަށް މޭގައި އަތްލައިގެން ހުރެ އަވަސްވެފައިވާ ނޭވާތައް ހަމައަކަށް އަޅުވާލަން އޭނާ މަސައްކަތް ކުރިއެވެ. އެއަށްފަހު އިސްޖަހައިލިގޮތައް ގޮސް ހުއްޓުނީ ލިފްޓުގެ ކައިރީގައެވެ. އެހުރިހާ އިރަކު އިޔާންގެ ތޫނު ނަޒަރު ހުރީ އޭނާގެ މޫނަށް ހުއްޓިފައެވެ. ހަތަރު ދުވަސްފަހުން އިޔާންގެ ސޫރަ ފެނުނު ހިނދު ހިތް ރޯލިއެވެ. އެ މޫނުމަތިން ފެންނަން ހުރީ ބުނެދޭން ނޭނގޭ ފަދަ އުދާހެކެވެ. މާޔޫސްކަމެވެ. އަމީރާގެ މެޔަށް ބާރުވެގަތެވެ. އެކަމަކު ޖެހިގެން އައި ސިކުންތުގައި އަމިއްލަ ހިތައް ވިސްނައިދިނީ އިޔާން އާއި އޮތް ގުޅުން ނިންމާލާފައި ވާކަމުގައެވެ.
“އިޔާން.. ރީއްކޮގެ ސުކޫލު ސާމާނު ކޮބާ؟”ލިފްޓުގެ ދޮރު ހުޅުވިގެން ދިޔަ ހިނދު އަމީރާއަށް ފަހަތް ބަލައިލެވުނީ އިޔާންގެ ބައިގެ ތެރެއިން ނުކުތް ޔަނާލްގެ އަޑަށެވެ. ކައިރީގައި ރީއާއެއް ނެތެވެ. ހުރީ އެކަނި ޔަނާލްއެވެ.
އެ ބައިގެ ތެރެއިން ޔަނާލް ފެނުމުން އަމީރާއަށް އުނދަގުވިއެވެ. ނަމަވެސް މުޅި ކުއްޖާއަށް ހުއްޓުން އަރައިގެން ދިޔައީ ޔަނާލް ވާހަކަ ދައްކަމުން ގޮސް އިޔާންގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. އަމީރާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. ހިތުގައި ޖެހުނުވަރުން ދެލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ. އިޔާންގެ ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި އިތުރު އަންހެނަކު ބީހިލުމަކީ އޭނާއަށް ދެކެން ކެތްވާނެ މަންޒަރެއް ނޫނެވެ. އަމީރާއަށް ވެގެން ދިޔަ ގޮތް ފެނި ތެޅިގަނެފައި ޔަނާލްގެ އަތުގައި ހިފައި އިޔާން ކޮނޑުމަތިން ދުރަށް ފޮޅުވާލިއެވެ. ނަމަވެސް އަމީރާ އަވަސް އަވަހަށް ލިފްޓަށް ވަދެ ދޮރު ލައްޕައިލީ، އިޔާން އޭނާގެ ފަހަތުން އަންނަކަން އެނގި ހުރެއެވެ.
ދެލޮލަށް ޖަމާވި ކަރުނަތައް އޮއްބާލުމަށްފަހު އިޔާން ފަސްއެނބުރި ބަލައިލީ ޔަނާލްއަށެވެ. އޭރު އެމޫނުގައި ރުޅިވެރިކަން ނޫން އިތުރު ކުލައެއް ނެތެވެ. ރީއާގެ ހަބަރެއް ނުވެގެން މަޖުދާ ވެސް އައީ އެވަގުތުއެވެ.
“ގައިގަ އަތްލާން ޖެހޭތަ؟ އެހެންޏާ ވެސް ރީއާ ރީތިކުރަނީ ޔަނާލްތަ؟ ކިހިނެތް ވެގެން ތިއުޅެނީ؟ ބުނެފަ އިން ގަޑީގެ ކުރިން އައީމަ ބުނިން މިއަދު ކިޔެވުން ނެތްވާހަކަ .. މަށައް ޔަގީންވޭ އެމީއަށް ދައްކަން ވެގެން ޔަނާލް ކުރި ކަމެއްކަން މިއީ! އެނގެއްވާނެ މަ ރުޅި އަންނަ ވަރު! މިތާގަ ބޭރުގަ މިހުންނަނީ ކަލޭ އެތެރޭގަ ހުރީމަ ނުވަންނަން. އެކަން ވެސް އެނގޭނެ! މާ އިޔާން ވެފަ އުޅޭކަށް ނުޖެހޭނެ! މި ދިނީ އެންމެ ލާސްޓު ވާނިންގް، މި ބައިން ދެން ފެނުނަސް މިގެއިން ނެރޭނަން ! އަޑު އިވިއްޖެ؟” އިޔާންގެ ކޮންޓްރޯލުން ނެއްޓިފައިވާ ރުޅިގަނޑު ފެނި މަޖުދާ ވެސް ހުރީ ޖެހިލުންވެފައެވެ. ވީ ގޮތެއް ނޭނގުނު ނަމަވެސް އެއީ އަމީރާއާއި ގުޅުން ހުރި ކަމެއްކަން މަޖުދާއަށް ދެނެގަނެވުނެވެ.
“ލޯބިވާތި! ނޭނގޭތަ! އިންސާނުންނަށް ކުށް ކުރެވޭނީ! އަހަރެން މާފަށް އެދެފީމެންނު! ރީއްކޮއާއި އެއްކޮންވެސް ވަގުތު ހޭދަ ކުރަން ބޭނުންވާތި މިހުންނަނީ!” ދެލޮލަށް ގެނައި ކަރުނަތަކާއި އެކު ޔަނާލް ވާހަކަ ދައްކަމުން ދިޔައީ ކޮންމެ މީހެއްގެ ހިތްވެސް މަޑުވެގެން ދާނެފަދައަކުންނެވެ. އެހާ އަވަހަށް ދެލޯ ރަތްވެގަތެވެ.
“ޗީޑި! ދެން ނުހުރެވޭނެ މިގެއަކު ! ނުކުމޭ!.. ހަމަ މިހާރު ނުކުމެގެން ދޭ!” ފަހަރަކަށް ވުރެން ފަހަރެއް އިޔާންގެ އަޑުބާރުވަމުން ދިޔައިރު، ޔަނާލްގެ ރުއިމުގެ އަޑުވެސް އައީ ބާރުވެގެންނެވެ. އެރުޅީގައި ހުރެ ފާރަށް ގޮށްމުށުގެ ހަމަލާއެއް ވެސް ދޫކޮށްލެވުނެވެ.
“ދަރިފުޅާ ތި ރުޅި މަޑުކޮށްބަލަ! ބަލާ ރީއްކޮއަށް ވެފަ ހުރިގޮތް! ތީ ދަރިފުޅު އަމިއްލަ އަށް ކުރި ކަމެއްނު!” ދޮރުކަނީގައި ކުޑަ ދެ އަތްތިލައިން ހިފާލައިގެން ހުރިއިރު ރީއާ ހުރީ ރޮވިފައެވެ. ބިރުވެސް ގަނެފައެވެ. އިޔާންގެ އެ ރުޅި މުޅިން އަލަށް ފެނުނު އިރު ރަނގަޅަށް ވެސް ރީއާ ދިޔައީ ތުރުތުރު އަޅަމުންނެވެ. މަޖުދާއަށް ރީއާ އުރާލެވުނު ގޮތްވެސް ނޭނގުނެވެ.
ޔަނާލްގެ އަތުގައި ހިފައި ލިފްޓާއި ދިމާލަށް އިޔާން ހޫރުވާލި ގޮތައް އޭނާ މަތަވީ ލިފްޓުގެ ދޮރާއި ހިސާބުންނެވެ. ރޮމުން ރޮމުން ރީއާގެ ގާތައް ދާން ވެގެން ޔަނާލް މަސައްކަތް ކުރި ނަމަވެސް އިޔާން އެކަމައް ހުރަސްއެޅިއެވެ.
“އަމް ސޮރީ، އިޔާން… އަހަންނަށް ރީއްކޮ ނުފެނި ކެތެއް ނުކޮށްލެވޭނެ މިހާރަކު.. އަހަރެން ވިސްނާނަން އަމީރާ ހުންނައިރު ނައިސް ހުރެވޭތޯ ވެސް.. އެކަމަކު މިގެއަށް ވަނުން މަނާ ނުކުރޭ.. ހެޔޮނުވާނެ.. ރީއްކޮ އަހަންނާއި ދުރުން އުޅުނު ނަމަވެސް އެ ކުއްޖާ އެހެން ފެނިލިއަސް ހިތް ފުރޭ.. ދޮގެއް ނުހަދަން އިޔާންދެކެ ހަމަ ހަގީގަތުގައި ވެސް ލޯބިވާތީ، ލޯބިވެއޭ ބުނީ.. އެކަމަކުވެސް އެ ދަރިފުޅު ކައިރިއަށް އައުމުގެ ހުއްދަ އަހަންނަށް ދީ” ގިސްލަމުން ޔަނާލް ކުރަމުން ދިޔަ އާދޭސްތައް އިވި މަޖުދާއަށް ވެސް އުނދަގޫވަމުން ދިޔައެވެ.
“އިޔާ، ބަލާ ރީއްކޮއެއް… އޭނަ އެބުނީނު އެމީ ހުއްޓަ ދެން ނާންނާނަމޭ.. އެންމެ ފަހު ފަހަރު ކަމަށް ބަލާފަ އަޅާނުލާ.. މަންމައަކަށް ކެތެއް ނުވާނެ ރީއްކޮއަށް މިވާގޮތުން”
އިޔާން ވެސް ބަލައިލީ މަޖުދާ ވާހަކަ ދެއްކުމުންނެވެ. ދެތުންފަތް ފިއްތާލައިގެން ހުރެ ރީއާ ރޮމުން ދިޔަ ގޮތް ފެނި ހިތުގައި ޖެހުނެވެ. ރީއާ ނަގާ ގަޔާއި ބޮނޑިކޮށްލަމުން ފިއްތާލެވުނެވެ. އިޔާންގެ އެއަމަލުން އެ ރުއިމުގެ އަޑުބާރުވިއެވެ. އައިސް ހުރި ރުޅި ފިލައިދިޔައިރު ރީއާގެ ކުރިމަތީގައި އެހެން ރުޅި އިސްކުރެވުމުން ދެލޯ މަރާ ބާރު ކޮށްލެވުނެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ.
“އަމް ސޮރީ ދޫނި ..ސޯ ސޮރީ.. ”
“މަންމި ކައިރިއަށް ދާން” ތުން ނެރެލަމުން ރީއާގެ ރުއިމުގެ އަޑު އިތުރަށް ބާރުކޮށްލިއެވެ.
“މަންމި މިހުރީއޭ ދަރިފުޅާ..އާދެބާ އުރާލާނަން” ރޮމުން ރޮމުން ޔަނާލް އައިސް ދެއަތް ދިއްކުރަމުން ދިޔަ ނަމަވެސް، ރޮއެގަނެފައި އިޔާންގެ ކަރުގައި ރީއާ އޮޅިގަތެވެ. ހީވީ ޔަނާލްއާއި ފިލަން މަސައްކަތް ކުރަމުންދިޔަ ހެންނެވެ. އިޔާން ވަގުތުން ރީއާ ގޮވައިގެން އޭނާގެ ބަޔަށް ވަނެވެ.
“ރީއްކޮ އެހޯދަނީ އެމީ.. ޔަނާލް މިވަގުތު ދެން ދޭ” އިޔާންގެ ފަހަތުން ވަންނަމުން މަޖުދާ ބުނެލީ ވަރަށް ހިތްހަމަ ނުޖެހިފައި ހުރެއެވެ.
އެތެރެއަށް ވަދެފައި ވެސް މަޖުދާ ގުޅާލީ އާމިލާގެ ފޯނަށެވެ. ދެފަހަރަކު ރިންގުވެލި ހިނދު ފޯނު ނެގިއެވެ.
“އާމީ، އެމީއަށް ބަލާލަ ދެއްޗޭ.. މީ ކުޑަ ކަމެއް ވެގެން.. އެއްޗެއް ނުވެސް ކައި އެހުރީ” މަޖުދާ ވާހަކަ ދެއްކިއެވެ. ކަންބޮޑުވެފައި ހުރެމެ އާމިލާ ކިހިނެތް ވީތޯ އަހަމުން ދިޔަނަމަވެސް އިޔާންގެ ގާތައް ދާން ބޭނުންވެފައި ހުރިވަރުން ފޯނު ކުރުކޮށްލާފައި މަޖުދާ އެކަމަށް އަވަސްވެގަތެވެ.
****
ލައިބާ ފެނުމާއި ދެލޯ ފުހެލާފައި އަމީރާ ހަމަޖެހިލަން މަސައްކަތް ކުރަމުން ދިޔައެވެ. އެހެނަސް ހީވީ ދެންމެ ދެންމެ ކަރުނުތައް އަނެއްކާވެސް މަގާމުން ދޫވާން އުޅުނު ހެންނެވެ. ގަދަކަމުން ހިނިތުންވުމެއް ރައްދުކޮށްލީ ހިނދު ލައިބާގެ މޫނުމަތިން ފެނުނީ ހަމްދަރްދީއެވެ. އަމީރާ ނުބުނި ނަމަވެސް މޫނުމަތިން އަމީރާގެ ހާލަތު އޭނާ ދެނެގަތީއެވެ.
“ޔަގީން އިޔާންއާއި މައްސަލައެއް ޖެހުނީ ކަން.. ކޮން އިރަކުން ކިޔައިދޭނީ؟” ދެރަވެލާފައި ލައިބާ ސުވާލު ކުރިގޮތުން އަމީރާ އެހާ ހިތްވަރުކުރަމުން ދަނިކޮން ވެސް ކޯތާފަތްމައްޗަށް ކަރުނަ ތިއްކެއް ޖަހައިލިއެވެ. ތިބެވުނީ މަގުމަތީގައި ކަން އިޙްސާސް ވުމުން އެ މަންޒަރު މީހަކަށް ފެންނަން ނޭދޭތީ ވަކި އެއްޗެއް ނުބުނެ ލައިބާގެ އަތުގައި ހިފައިގެން އަމީރާ ހިނގައިގަތެވެ. ލައިބާ ވެސް އިތުރަށް އަހަން ނޫޅެ މަޑުޖައްސާލީ އަމީރާ ހަމައަކަށް އަޅުވާލުމަށެވެ. އޭނާ ފެށީ ސައިމަންގެ ވާހަކައެވެ.
“އެމީ އަށް އެނގޭތަ މި ސައިމަން ރޭގަ ކުރި ކަމެއް.. އިއްޔެ ހެނދުނު ގުޅާފަ ބުނަނީ މިރޭ ހިނގާބަލާށޯ ޑިނާރ އަކަށް ދާން.. ދެން ރޭގަ މަ ރެޑީ ވެގެން ގަޑި އިރެއް ވީ އިރުވެސް މީނަ ނައި ބަލައެއް.. ދެން ގުޅީ މަ ބުނާ އެއްޗަކީ ލައި ކައިރީގަހޯ ޑިނާރ އަށް ދާން ބުނެވުނީ.. ތި މަންނަ ވެސް ރެޑީވެގެން ނޯ ހުރީ.. ޑިނާރ އަށް ދާންބުނެވުނީ ކާކުގެ ގާތުގަކަމެއް ނޭނގިގެން ހުރެހުރެފަ ކޮއްކޮއާއި އެއްކޮން ކާން އައިހޯ މިއުޅެނީ.. ރުޅިއެއް ނާންނާނެތަ އަޅެ” ތުންފިއްތާލަމުން ލައިބާ ފެށި ވާހަކައަކުން ކަރުނަތަކާއި އެކުވެސް އަމީރާއަށް ހެވުނެވެ.
“ދެން މިއަދު މަ ނުވެސް ބުނަން، އެމީ ފައިބަންދެން ބޭރުގަ މަޑުކޮށްގެން ހުއްޓަ ކިޔައިފި އޭ ދާންވީހޯ ބަލާ.. ހަނދާންނެތިގެންނޯ ޑީއުޓީއަށް މިއާދެވުނީ.. ” ދެލޯ އަޅާލައި ހުރެ ލައިބާ އިތުރު ކޮށްލިއެވެ. އަމީރާއަށް ހެވުނު މަންޒަރު ފެނި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެއަންހެން ކުދިން މަޑުކޮށްލީ ބަސް އަންނަން ދެންނެވެ. އެއްގޮތަކަށް ވެސް އަމީރާއަށް ސައިކަލަށް އަރަން ނުކެރޭތީ ލައިބާގެ ސައިކަލެއް އިންނަމަވެސް އޭގައި ދެވޭކަށް ނެތެވެ. ދާން ޖެހެނީ ހުޅުމާލެއިން މާލެއަށް ކަމުން ދެ އަންހެންކުދީން އެކުގައި ދާނަމަ ގިނައިން ގޮސް އައިސް ހަދަނީ ބަހުގައެވެ. ބައެއްފަހަރު ސައިމަންގެ ކާރުގައި ގެންގޮސްދެއެވެ.
“ސައިމަން ހަނދާން ނެތެނީދޯ..ހެހެ” ލުއި ޖަވާބެއް ދިނުމަށްފަހު ޓިޝޫއަކުން މޫނުމަތި ސާފް ކޮށްލިއެވެ.
ބަހަށް އަރައިގެން ދަތުރު ފެށިއިރު، ފަހުން އަމީރާގެ މޫނުމަތި ކުރިއަށްވުރެން ހަމަޖެހިފައި ހުރުމުން، ލައިބާއަށް ހީލެވުނީ އޭނާގެ މަސައްކަތް ކާމިޔާބު ވުމުންނެވެ. ބަސް މަޑުކޮށްލީ، ރެސްޓޯރެންޓާއި ހިސާބަށް ފަސްވަރަކަށް މިނެޓުން ހިނގާލާފައި ދެވޭހާ ކައިރީގައި އިންނަ ބަސް ހުއްޓިއަކަށެވެ. ގަޑީގެ ކުރިން އިނގިލި ޖަހާލަމުން މަސައްކަތައް ވަތް ހިނދު އަމީރާއަށް ފުރަތަމަ ބައްދަލު ކުރަން ޖެހުނީ މަންހާއާއެވެ. ބަދިގޭގެ ދޮރު ކުރިމަތީގައި ހުރަސްވެގެން ހުރި އިރު މޫނު ރަތްކޮށްލައިގެން ބަލަން ހުރީ ސީދާ އަމީރާގެ މޫނަށެވެ.
މަންހާގެ މޫނު ފެންނަ ކޮންމެ ފަހަރަކު އަމީރާ ޖެހިލުންވެއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ޒަންޔާގެ ފުށުން މަންހާ، އޭނާއާއި ދޭތެރޭގައި ކަންތައް ކުރަމުންދާ ގޮތް އަހާފައިވީ ނަމަވެސް އަދި އަމީރާއާއި ދިމާ ކޮށްލާފައެއް ނުވެއެވެ. ދުރުން ފެނިގެން ވެސް ދުވަހަކުވެސް މަންހާ އޭނާއާއި އަދި އަނގަޔަކުން ނުބުނެވެ. ނަމަވެސް ދެލޮލުން ދައްކަނީ ނުރުހުމެވެ. ތަފާތު ކުލަވަރެކެވެ. އެއީ، ޒަންޔާއާއި އެކު އުޅެމުންދާތީ މަންހާ އުޅޭގޮތް ކަމުގައި ހީކުރަން މަސައްކަތް ކުރި ނަމަވެސް، މަންހާގެ ސޫރަ ފެންނަ ކޮންމެ ފަހަރަކުވެސް އަމީރާގެ ސިކުނޑި ހީވަނީ ކޮންމެވެސް ހަގީގަތެއް ބުނެދޭން މަސައްކަތް ކުރާހެންނެވެ.
މަންހާގެ ފަހަތުގައި ވިއްދާފައި ހުރީ ޝާއިރާ ވެސް ފެނުނީ އެވަގުތުއެވެ. އަލަށް އައި ދުވަހު ފެނުނު ގޮތައް ޝާއިރާ އަދި އެ ފެނުނީއެވެ. ފުރަތަމަ ވެސް ހަނދާންވީ ޒަންޔާ ކިޔައިދިން ޥާހަކަ ތަކުގެ މަތީންނެވެ. އަދި މާކިންގެ މަތިންނެވެ.
ރުޅިވެރިކަން މުޅި ނަފްސަށް ވެރިވެގަތް ނަމަވެސް، ޝާއިރާ ވިހަ ދެލޯ ފެނުމާއި އެކު އަމީރާއަށް ވެގެންދިޔައީ އަދި މާ ތަފާތު ގޮތެކެވެ. އެ ދެލޮލާއި ނަޒަރު ސީދާވި ވަގުތު، އަމީރާގެ މުޅި ހަށިގަނޑުން ފިނި ހީގަނޑެއް ދުވެލައި، ނޭވާ ކުރުވާން ފެށިއެވެ. ހީވީ މީހަކު އޭނާގެ ކަރުގައި ހިފާ ބާރުކޮށްލި ހެންނެވެ. ހިންދިރުވާލަން ވެސް އުނދަގޫވެ، އެންމެ ސިކުންތަކު ވެސް އެ އަންހެން މީހާގެ ކުރިމަތީގައި ހުންނާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.
އާދަޔާޚިލާފު ކަމަކީ، އާމިލާއާއި ހައިކަލްގެ އާއިލާ ފެނުމުން އަމީރާގެ ހިތަށް ލިބޭ ފިނިކަމާއި ގާތްކަމުގެ އިދިކޮޅު އިޙްސާސެއް ޝާއިރާގެ ފުށުން ކުރެވެމުން ދިއުމެވެ. އެމީހުން ފެނުމުން ހިތަށް ތަސައްލީއެއް ލިބޭއިރު، ޝާއިރާގެ ކުރިމަތީގައި އޭނާ އިޙްސާސް ކުރަމުންދިޔައީ ބޮޑު ބިރުވެރިކަމެކެވެ. އެ ވިހަ ނަޒަރުން އޭނާގެ މުޅި ހަށިގަނޑު ފޫއަޅުވާލާފައިވާ ފަދައެވެ. ހިތް ބިރުގަނެ މިހާއަވަހަށް މުޅި ކުއްޖާ ދާހިއްލައިގަތެވެ. ހިތުގެ ތެޅުމުގެ އަޑު އޭނާގެ އަމިއްލަ ކަންފަތައް ވެސް ދިޔައީ އިޙްސާސް ވެގެންނެވެ.
ހިންދިރުވާލަމުން އަމީރާ އެއްފަރާތަކައް ޖެހިލަމުން ބެލީ އެތެރެއަށް ވަދެވޭތޯއެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. މަންހާ އަތް ހުރަސްކޮށްލަމުން ރަނގަޅަށް ބައްދުކޮށްލިއެވެ. މަގަތުގައި ހުރި ލައިބާއަށް ނަޒަރެއް ދެވުނީ އެތަނުން ދުރަށް ދާން ބޭނުން ވެފައި ހުރިވަރުންނެވެ.
“މޭމް، އަޅުގަނޑުމެންގެ މަސައްކަތައް އެބަ ލަސްވޭ… ވަރަށް އޯޑަރު އެބަހުރި” ލައިބާ ރީތިކޮން ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އޭނާގެ އަޑު ނުކުތީ ފުދޭވަރަކަށް ބާރަށެވެ. އެއާއިއެކު މަންހާ ބަލައިލީ ލައިބާ ފިއްސާލާފަދަ ނަޒަރަކުންނެވެ.
“ކަލޭ ތީ ކާކުތަ؟ހަހް..” މަންހާއަށް ވުރެން ކުރިން ޝާއިރާއަށް ލައިބާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން ޖެހިލުން ވުމުގެ އަސަރެއް ނުފެނެއެވެ.
“ތީ ދެން ކާކު؟ އަހަރެމެންގެ އެއްވެސް ބޮސް އެއް ދުވަހަކުވެސް ނުބުނާނެ ތިދެމީހުންގެ ބަހަށް ތާއިދުކޮށްގެން މިތާގަ ތިބޭށެކޭ ކަސްޓަމަރުންނަށް ހިދުމަތް ނުދީ” ލައިބާގެ ޖެހިލުން ކުޑަކަން ފެނި އަމީރާއަށް ލޯ ބޮޑުކޮށްލެވުނެވެ.
“ކަލޭ މަޑުން ހުރޭ..ވަދޭ އެތެރެއަށް..” ލައިބާގެ އަތައް ދަމާލާފައި ބަދިގޭގެ އެތެރެއަށް ކޮއްޕާލިއެވެ. އެކަމަކު އަމީރާ ވަންނާކަށް މަންހާ ތަނެއް ނުދެއްކިއެވެ.
“އަމީރާ ވަންނަން ތަން ދައްކާ، ނޫނީ ބޮސްއަށް ގޮވާނަން” ދޮރުގެ އެތެރޭގައި ހުރެ ވެސް ލައިބާ މަސައްކަތް ކުރަމުން ދިޔައީ އަމީރާއަށް ވަދެވޭ ވަރުކުރާށެވެ. ނަމަވެސް އޭނާއަކަށް ކާމިޔާބެއް ނުލިބުނެވެ. ޝާއިރާއަށް މަންހާ ކޮށްލި އިޝާރާތް ނަގައިގަނެ، މަންހާ ދޮރުން ބޭރަށް ނުކުތުމުން އެދޮރު ލައްޕާފައި އެތެރެއިން ތަޅުލީއެވެ. އެއާއި އެކު ބޭރުގައި މަންހާއާއި އަމީރާ އެކަނިވީއެވެ. ހަނދާނެ ގޮތެއް ނޭނގިފައި ހުރެ ދެއަތް ދެއަތާއި މޮޑެލެވުނެވެ.
“އާދޭ! އެހެން ނޫނީ ދެން ވެގެންދާ ގޮތް މާ ރީއްޗެއް ނުވާނެ!”
މަންހާ ދިން އިންޒާރުން އަމީރާގެ ހިތް ކުރިއަށް ވުރެން ބާރަށް ތެޅިގަތެވެ. ކީއްވެ ކަމެއް ނޭނގުނެވެ. އެފަދައިން މީގެ ކުރިން ވެސް އެއަޑުން އިންޒާރު ދިން ކަހަލަ ކޮށި ހަނދާނެއް ސިކުނޑީގެ ކަނެއްގައި ކޮއްޓަމުން ދާންފެށިއެވެ. ތޫނު ތަދެއް ބޮލަށް އިޙްސާސްވެފައި ވެސް އަމީރާއަށް މިފަހަރު ކެތްކޮށްލެވުނެވެ. އެވެސް ނަސީބެކޭ ހިތައް އެރިއެވެ. އެއްޗެއް ނުބުނެ މަންހާގެ ފަހަތުން އަމީރާ ވަނެވެ. މަންހާ ވަނީ އާއިލާއަށް ހާއްސަކުރެވިފައި ހުންނަ ‘ވެއިޓިން ރޫމް’އަށެވެ. އެއީ އާއިލާއަށް ޙާއްސަ ޓެރެހާއި ގުޅިފައި އިންނަ ތަނެކެވެ. ޓެރެހުގައި މީހަކު ހުރިތޯ ވެސް މަންހާ ބަލާކަށް ނުހެދިއެވެ. ހީވީ އެތަނުގައި މީހަކު ނެތްކަން މާ ކުރިން ވެސް އޭނާ ހުރީ ޔަގީންކޮށްގެން ކަހަލައެވެ.
“ކީކޭ ހިތައްއަރައިގެން ތަ އާމިލާގެ ކައިރީގައި ބުނީ މަ ޑިއުޓީއަށް ނައި ވާހަކަ؟” މަންހާގެ ރުޅިވެރި އަޑުން ވާޙަކަ ދެއްކިއެވެ. އެއަޑުން ޖެހިލުންވެ ކުރިއަށްވުރެން ބޮޑަށް އަމީރާއަށް ދެއަތް ދެއަތާއި ފިތާލެވުނެވެ.
” އޭންން! ކަލެއަށް ޖެހޭތަ ބުނަން؟ ފުރަތަމަ ކަމަކަށް ބެހެވޭނެ ތަ މަ ކޮންމެ ގޮތަކަށް އުޅުނަސް! މާ އިނޮސެންޓު މީހަކަށް ވެގެން ހުންނާނެ ކަމެއް ނެތް! މަ އަހައިފީމޭ އާމިލާގެ ގާތުގައި މަޑިއުޓީއަށް ނާންނަ ވާހަކަ ފުރަތަމަ ބުނީ ކަލެއޭ ބަޔަކު ކިޔާ އަޑު! ހުރި ލަދުކުޑަކަން” ވާހަކަ ދައްކަމުން ގޮސް މަންހާ ކައިރިއަށް ޖެހި އަމީރާ މޫނުމަތީގައި ޖަހައިފިއެވެ. މުޅި ކޮޓަރި ތެރޭގެ ހަމަހިމޭންކަން އެއަޑުން ނަގާލެވުނު އިރު ވީ ތަދުން އަމީރާގެ ދެލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ. އެވަރުން ވެސް ބަހެއް ބޭރުކޮށްލަން އޭނާ ނުކުޅެދުނެވެ. ކޯމަތީގައި އަތް ލެވުނު އިރު އެހިސާބުގައި ވަނީ ދިލައެއް ހިފާލާފައެވެ. އަމީރާ އަވަސްވެގަތީ އެތަނުން ނުކުމެގެން ދާށެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ މަންހާ ދެން ބުނަން ފެށި ޖުމްލަތަކުންނެވެ.
” އަދިވެސް ނޭނގޭދޯ އަހަރެމެންނަކީ ކޮން ބައެއް ކަމެއް؟ ނޫނީ ނޭނގޭ ކަމަށް ހަދަނީތަ؟ މަ އެހެންވެ އޭ ކަލޭ ދެކެ ފޫހިވަނީ..އެންމެ ކުރީން ވެސް، އަބަދުވެސް މާ މޮޅުވެގެނެގެން ތިއުޅެނީ ތި ވަރުގެ މާތް މީހަކު ނެތް ކަމައް ހީވެފަތަ؟” ދޮރާއި ހިސާބަށް ދާން ނެގި ފިޔަވަޅު ހުއްޓި ދެފައިގާ ކަސްތޮޅު އެޅުވިގެން ދިޔައެވެ. އަމީރާއަށް މަންހާގެ މޫނަށް ބަލައިލެވުނު އިރު، އެދެލޮލާއި މޫނުން ހީވަނީ އަލިފާން ކަނި ބުރަމުން ދާހެންނެވެ. އަމީރާގެ ތެޅެމުން ދިޔަ ހިތާއި އެއްވަރަށް ސިކުނޑިއަށް ކުރަމުން ދިޔަ ބާރު ވީ އިތުރެވެ. ތެޅިގަނެފައި ސުވާލު ކުރެވުނެވެ.
“ކީކޭ؟ ކީކޭ ބުނަންތަ ތިއުޅެނީ؟”
“ބުނަން މިއުޅެނީ، އަބަދުވެސް ކަލޭ ދެކެ މަ ވަރަށް ފޫހިވެއޭ، އައިތާކަށް ދާން އުޅޭށޭ!” އަމީރާގެ އަޑު އިވުމުން، މަންހާގެ ރުޅި ހީވީ ދެގުނަވެފައިވީ ހެންނެވެ. އޭނާގެ އަޑު ދޮރުން ބޭރަށް އިވޭހާ ބާރެވެ.
“މަންހާ ތިހެން ބުނީމަ ދެން މަ ވީ ދާން ތަ؟ އަބަދުވެސް އޭ؟ އިއްޔެ ފެނުނު މީހަކާއި ދޭތެރޭގަ ތިޙާ ބޮޑަށް ދުޝްމަނު ވާން ޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ” އަމީރާއަށް ބުނެވުނެވެ. މަންހާގެ ބަސްތަކުގައި ތަފާތު މާނައެއް ވީހެން ހީވި ނަމަވެސް އަމީރާ އަދިވެސް ބެލީ ކެތްތެރިވެވޭތޯއެވެ.
“އާހްހްހް ތި އަޑު އިވުނަސް މަ ރުޅިއާދޭ! ހުރެބަލަ ވާޙަކަ ނުދައްކާ! ކަލެއަށް މަށަކީ ކާކުކަން މިއަދު އެނގުނަސް، މަށައް ކަލޭ އެނގޭތާ ކިތަންމެ ދުވަހެއް!” މަންހާ ބާރު ބާރަށް ދައްކަމުން ދިޔަ ވާހަކަ ތަކުން މަޑު ޖެހުނީ ފަހު ޖުމްލައާއި ހިސާބުންނެވެ. އެ ޖުމްލަ ބޭރުކޮށްލި އިރު އެއަޑު އާދަޔާއި ހިލާފަށް މަޑެވެ. މޫނުމަތިން ފެނުނު ވިހަކަން އިތުރުވިއެވެ. އަމީރާގެ ދެލޯ ބޮޑުވެގެން ދިޔައިރު، އެ ބަސްތައް އޭނާގެ ސިކުނޑީގެ ހަފަރާތުގައި ގުގުމަން ފެށިއެވެ. މަންޙާގެ ދެތުންފަތް ފުޅާވެފައިވާ ނުލަފާ ހިނިތުންވުމުން އަމީރާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.
“ހަނދާން ކުރާތި އިތުރު މީހެއްގެ ކަންފަތައް މިއިން ވާހަކައެއް ފޯރައިފިއްޔާ، ވަރަށް ގޯސްވާނެ! އަހަންނަށް އެނގޭ ކަލޭގެ ބަލިފައި! ޖިނާން، އެހެންނު!” އެކޮޓަރީގެ ތެރެއިން މަންހާ ނުކުންނަން ދިޔައީ ރަނގަޅަށް ވެސް އަމީރާ ސިއްސުވާލާފައެވެ. އުއްމީދުނުކޮށް ހުއްޓާ މަންހާ، އެދޭތެރެއަށް ޖިނާންގެ ނަން ގެނައުމުން އަމީރާގެ ޅަހިތް ތެޅިފޮޅިގަތެވެ.
“ޖިނާން؟ މަން.. މަންހާއަށް، ޖިން..ޖިނާން އެނގެނީ.. ކި..ކިހިނެތް؟” ލިބުނު ސިހުމުގައި ހީވީ މޫނުމައްޗަށް އެނބުރުން އަރައިގެން ދިޔަހެންނެވެ. ދެފައިކޮޅުން ވާގި ދޫވަމުން ތިރިއަށް ވެއްޓެން ދިޔައިރު، އޭނާއަށް އެހެން މީހެއްގެ އަތް އިޙްސާސްވިއެވެ. ނަމަވެސް އަމީރާ ބިންމަތީގައި ޖެހުމުގެ ކުރިން އެމީހަކު ހިފެހެއްޓިއެވެ. އޭރުވެސް މުޅި ހަށިގަނޑުގައި ދިޔައީ ތުރުތުރު އަޅަމުންނެވެ.
“އެމީ..އެމީ..އެމީ” ފުރޭނިގެން ފަދަ ގޮތަކަށް އަމީރާގެ ކަންފަތައް އިވުނީ ހައިކަލްގެ އަޑެވެ. ހީވީ ހުވަފެނެއްގައި އޮވެފައި ހޭލެވުނު ހެންނެވެ. މުޅި ސިކުނޑި ހިސާރު ކޮށްފައިވަނީ މަންހާގެ ބަސްތަކެވެ. މަންހާއަށް ޖިނާން އެނގެނީ ކިހިނެތް ހެއްޔެވެ. އޭނާއާއި ޖިނާންގެ ހުރި ގުޅުން މަންހާއަށް އެނގެންވީ ކީއްވެ ހެއްޔެވެ. މަންހާއަކީ އޭނަ ކުޑަކޮން ވެސް ވާހަކަ ދައްކާ ހަދާ މީހެއް ނޫނެވެ. އަމީރާ އަނެއްކާ ވެސް ހަނދާންވީ ޝާއިރާގެ މަތިންނެވެ.
“އެހެންވީމަ ޝާއިރާއާއި މަންހާ ގުޅިގެން އެކުރާ ކަމެއް ކުރަނީ.. މަންމައާއި ދަރިފުޅު ވެގެން ކޮންކަމެއްގެ ބަދަލެއްބާ ހިފަން މިއުޅެނީ.. މިހާރު ޖިނާން ލައިގެން އަހަންނަށް ބިރު މި ދައްކަނީ، މިހުރިހާ ކަމަކާއި މަށާއި ގުޅެނީ ކިހިނެތް؟ ކޮން ހިސާބަކުން؟ ހޫގޯގެ އެކުވެރިއެއް ވީމަ، މިތަނުގައި ހުރިކަން އެނގުމުން ހޫގޯއަށް އެހީވަނީ ބާ؟” އަމީރާގެ ހިތައް އަރާފައިބަމުން ދިޔަ އެއްޗިހިނުންހާސްވިއެވެ. ފާޅުގައި ވާހަކަ ދެކެވިފައި ނެތް ނަމަވެސް ޝާއިރާގެ އަނދިރި ފަރާތަކީ މިހާރު އޭނާއަށް އޮޅޭނެ އެއްޗެއް ނޫނެވެ. ޝާއިރާއަށް މާކިން އެނގޭ ކަމުގައި ވާނަމަ ޖިނާން އެނގުމަކީ ދުރުގައި ވާ ކަމެއް ނޫނެވެ. އަނެއްކޮޅުން ހޫގޯއަކީ ޝާއިރާގެ އެއް އަތެވެ.
“އެމީ” ހައިކަލް ދެވަނަ ފަހަރަށް ގޮވާލި އިރު އިރަށް ކުރެވެމުން ދިޔަ ހިޔާލުތަކުން އަމީރާއަށް ބޭރުވެވުނެވެ. އޭރުވެސް ހައިކަލް ހިފަހައްޓައިގެން ހުރިއިރު މަގަތުގައި އާމިލާ ވެސް ކަންބޮޑުވެފައި ހުއްޓެވެ. އަމިރާ މަޑުމަޑުން ދުރަށް ޖެހިލިއެވެ.
“އެމީ… ވަޓްސް ގޮއިން އޮން؟” އާމިލާއަށް އަމީރާގެ މޫނުގައި އަތްލެވުނު އިރު ދެލޮލުގައި ހިލިގަތް ކަރުނަތައް ހިންދާލަން މަޖުބޫރުވިއެވެ. އެތަނުގައި މަންހާއާއި އަމީރާއާއި ދެމެދު ދެކެވުނު ވާހަކަ އެދމީހުންނަށް އިވުނެވެ. ޓެރެހުގައި ކޮފީއެއް ބުއިމަށް ހައިކަލްއާއި އާމިލާ ތިބި ކަމެއް ނޭނގި މަންހާ ދެއްކި ވާހަކަ ތަކުން ދެމީހުންނަށް ވެސް ލިބިފައިވަނީ ބޮޑު ސިހުމެކެވެ. ނަމަވެސް އަމީރާގެ ކުރިމަތީގައި އެކަމެއް ނުދެއްކިއެވެ.
“އާދެ އިށީންދެލަން “އަމީރާގެ ލޮލަށް ގިނަވެފައިވާ ކަރުނަތައް ފެނި އާމިލާއަށް ކުރަމުން ދިޔަ އަސަރުތައް ދެގުނަވިއެވެ. މަންހާއާއި މެދު ޝައްކާއި ވަހުމުން ހިތް މުޅިން ފުރުނުއިރު އާމިލާއަށް ބަލައިލެވުނީ ހައިކަލްގެ މޫނަށެވެ. ހައިކަލް ވެސް ހުރީ ހިމޭންވެފައެވެ.
“ނޫން..މީ.. ވަރަށް ގިނަ އޯޑަރުތައް އެބަހުރި.. ދައްތަމެން ކޮން އިރަކު އައީ؟” އިސްދޮށަށް ޖަހާލަމުން ލޮލުގެ ހިމަކޮޅު އަމިރާ ފުހެލިއެވެ.
“ހަމަ ދެންމެ” މަންހާގެ ވާހަކަ އަޑު އިވުނުކަން އަމީރާއަށް އެނގެން ބޭނުން ނުވާތީ އާމިލާގެ ހުށިޔާރުކަމާއި އެކު ޖަވަބު ދިނެވެ.
އަމީރާ މަޑުމަޑުން ބޯޖަހާލުމަށްފަހު، އެ ނުތަނަވަސް މާޙައުލުން ސަލާމަތްވުމަށްޓަކައި އަވަސް ފިޔަވަޅުތަކެއްގައި ނުކުންނަން ހިނގައިގަތެވެ. އޭނާ ދާންވެގެން ފަސްއެނބުރިލި ވަގުތު، ކޮނޑުމައްޗަށް ދޫކޮށްލާފައި އޮތް އިސްތަށިގަނޑު ވައިރޯޅިއަކާއިއެކު އެއްފަރާތަކަށް ވިހުރިލިއެވެ. ހަމަ އެ ސިކުންތުގައި، އަމީރާގެ ކަންފަތްދޮށުން ފެންނަން އިން ކުޑަކުޑަ އުފަންލަފު ހައިކަލްގެ ލޮލުގައި އަޅައިގަތެވެ. އެ ފެނުނު މަންޒަރާއެކު ހައިކަލްގެ މުޅި ދުނިޔެ ހުއްޓުނު ފަދައެވެ. ހީވީ ލޭގެ ހިނގުން ގަނޑުވެ، ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ކަޅިޖަހާލުމެއް ނެތި، ހައިރާންކަމުން ފުރިގެންވީ ނަޒަރަކުން އެ ނިޝާނަށް ބަލަހައްޓައިގެން ހުރެވުނުއިރު، ހައިކަލްގެ މޫނު ވަނީ ހުދުވެފައެވެ.
މަންހާގެ ވާހަކަ ތަކުން ހިތުގައި ހިނގައިލި ޝައްކުން ހަމަހިމޭން ވެ ހުރިއިރު، އަމީރާގެ ކޮންމެ ހަރަކާތަކަށް ހައިކަލް ހުރީ ފާރަވެރިވެގެންނެވެ. އަމީރާ ދިޔައީ ވެސް ހައިކަލްއާއި ޖެހޭ ނުޖެހޭ ގާތުންނެވެ. ފެނުނީ ރަނގަޅު މަންޒަރެއްތޯ ޔަގީން ކުރުމަށް އެސްފިޔަތައް ތަޅުވާލި ނަމަވެސް މަންޒަރު ބަދަލެއް ނުވެއެވެ. އެ އަންހެން ކުއްޖާ ފެނުނު އެންމެ ފުރަތަމަ ދުވަހުންސުރެން އޭނާއަށް ވަމުން ދިޔައީ ވެސް ތަފާތު ގޮތެކެވެ. ފެނުމުން ދެރަވެއެވެ. ނަމަވެސް އާމިލާ ބުނާހެން ގެނެސް ގާތުގައި ބަހައްޓާ ހިތްވެއެވެ. އެ އަންހެން ކުއްޖާ ނުފެނިއްޖެ ނަމަ ނަދީމަށް ގުޅައިގެން ކޮބާތޯ ބަލައިލެވެއެވެ. ފެނުނު ފުރަތަމަ ދުވަހުން ފެށިގެން އޭނާއަށް ތަފާތު އިޙްސާސްވަމުން ދިޔައެވެ. ދެލޮލަށް ފެންތައް ޖަމާވެލި ހިނދު އެވަގުތައް އޭނާ ބޭނުންވީ އެކަނި ވެލާށެވެ. އާމިލާ ގާތު ވެސް އެވާހަކަ ބުނާކަން ހިތެއް ނޭދުނެވެ.
****
ހެނދުނުން ސުރެން އަރާފައިވާ ތަދު މުޅިން ރަނގަޅު ނުވީ ނަމަވެސް ކޮންމެވެސް ވަރަކަށް އިރަމްއަށް ހިނގާހަދާލެވެއެވެ. ނުވައެއް ޖަހަން ގާތްވުމާއި އެކު އިރަމް ގަސްތުކުރީ އަމީރާއާއި އެކު ތެރެޕީ ސެޝަނަށް ދިއުމަށް ތައްޔާރު ވުމަށެވެ. ކަޅުކުލައިގެ ގަމީސް ކޮޅަކާއި އައިސްބުލޫ ޖީންސެއްގައި ތައްޔާރު ވެލައިގެން ނުކުތް އިރު ލިވިންގްރޫމުގައި މަޖުދާ އުޅޭ އަޑު އިވެއެވެ. ކޮންމެވެސް މީހަކާއި ނިކަން ފޯރީގައި ހީހީފައި ވާހަކަ ދައްކަމުން ދިޔަ އަޑު އަޙާފައި އިރަމް ވެސް ދިޔައެވެ. ޔަނާލްއައި ފަހުން ގޭތެރޭގައި އެފަދަ ގޮތަކަށް މީހަކުހޭ އަޑުވެސް އެއިވުނީ އަލަށެވެ.
ނުކުތް އިރު ފުރަތަމަ ވެސް ބައްދަލް ވީ ސޯފާގައި އިން ސަދަފްއާއިއެވެ. ސިއްސައިގަތް ދިޔަވަރުން އިރަމްގެ ދެލޯ ބޮޑުކޮށްލެވުނެވެ. އެހާ ނުގަޑި އެއްގައި ސަދަފް އެގެއިން ފެނުމުން ވާނީވެސް އެހެންތާއެވެ. އޭރުވެސް ޔޫވީން އުޅޭތީ، ސަދަފް އައިސް އިން ބޭނުން ނަގައިގަނެވުނެވެ.
“ހެނދުނުވެސް.. މިރޭވެސް…މީނައަށް މިގެއިން އެޕާޓްމެންޓެއް ދޭންވީބަ؟” ހިތާ ހިތާއި އިރަމްއަށް ވާހަކަ ދެއްކުނެވެ. ހެނދުނު ހިނގާފައިވާ ހާދިސައިން އެތާގައި ހުންނާކަށް ނުކެރުނެވެ. އަވަސްވީ ގޮތަކުން ބެލީ ކޮޓަރިއަށް ވަދެވެތޯއެވެ. އެކަމަކު އިރަމްގެ ނަސީބުއަތުގައި ހިފާ ގޮތެއް ނުވިއެވެ.
“މިއޮތް އައި ދޮންތި.. މާމަ އައި އެއްކޮން ނުދާނަމޯ.. ކާފަ ވެސް ބޭނުމެއް ނެތް.. ކުޑަބެ ވެސް ކަމަކު ނުދޭ.. މިގޭގަ ހުންނަން ބެނުންވޭ، އެކަމަކު މިގޭގަ ނިދާކަށް ބެނުމެއް ނުވޭ…. ފައްކާ ކުއްޖެއް މީ… މިހާރު ދޮންތަ ގުޅައިފި ފަސް ފަހަރަށް” ހިނިއައިސް އިންދެ ނަދީމް ވާހަކަ ދެއްކިއެވެ.
ސަދަފް ވެސް ބަލައިލީ އިރަމް އަށް ނަދީމް ގޮވާލުމުންނެވެ. އެވަގުތު ވެގެން ދިޔައީ އިރަމް ވެސް ބަލައިލި ވަގުތުކަމުން، ދެ ޒުވާނުންގެ ކަޅި ހިނދުކޮޅަކަށް ނަމަވެސް ބައްދަލްވެގެން ދިޔައެވެ. ސަދަފްގެ ނަޒަރުން އެމޫނަށް ވެރިވި ޖަންބުކުލައިން، ތުންފަތުގައި ލުއި ހިނިތުން ވުމެއް ކުޅެލިއެވެ. މޫނު ދުރުކޮށްލީ އެތަނުގައި ނަދީމްއާއި މަޖުދާ ވެސް ތިބުމުންނެވެ.
“ހެދޭ.. ދޮންތި ދޫނި.. އެކުދިން ތޮޅެނީ ދޯ” ޔޫވިން ގެނެސް ގައިގާ ލައްކޮށްލަމުން އިރަމް ވާހަކަދެއްކީ ޅަ އަޑަކުންނެވެ. ނުދާން ވެގެން ޔޫވީން ބޮޑާ ހާކަމުން ގޮސް ވެސް ހުއްޓާލީ އިރަމް އުރާލުމުންނެވެ.
“ދޮންތަ މިގަޑީގަ މަޑުކުރާނެ އެމީއަށް ތެރެޕީ އަށް.. ދޮންތަބެ ވެސް އޮފީސް ކަމަކު ވެއްޖެ ގޮސް.. ސަދަފްއާއި އެކު އިރޫ ދާންވީ އެންނު..މިވިއްސާރަ ދައްކާ އިރު އަވަހަށް ގެންދިއުން ރަނގަޅުވާނީ ވެސް.. މިގެއަކު ނުވެސް އޮއްތާލި” މަޖުދާ ބުނެލިއެވެ. އިރަމް އަށް ބަލައިލެވުނީ މަޖުދާގެ މޫނަށެވެ. އެ ނަޒަރުން ސަލާމަތްވާން މަޖުދާ ވާހަކަ އަޅުވާލީ ޔޫވީން އާއެވެ. ނަދީމް ވެސް ބާރު އަޅަން ފެށީ ސަދަފް އާއި އެކު އިރަމް ދިއުމަށެވެ. އެހުރިހާ އިރު އޭނާ އެއްޗެއް ނުބުނެ ހުރީ އިރަމްގެ މޫނަށް ކަޅި ޖަހައި ނުލާ ބަލަހައްޓައިގެންނެވެ. ހީވަނީ އިރަމްގެ ޖަވާބަކަށް އެދިގެން ހުރިހެންނެވެ.
“މި މަންމަ ވެސް.. ސަހާދަތް މިބުނީ.. އޭނަ ރުޅި އަންނަ އިރު ވެސް މިޖެހުނީ އެކުގަ ދާން” އިރަމްއަށް ތުންފިއްތާލެވުނެވެ. އެ ބަސްތައް އޮތީ އޭނާގެ ހިތުގައެވެ. އެއްޗެއް ނުބުނެ ޔޫވީންގެ އަތުގައި ހިފާލަމުން އިރަމް ހިނގައިގަތެވެ.
“ދޮންތީ ނިދި އަންނަނީ” އާފުރެމުން ޔޫވީން ވަހަކަ ދެއްކީ ލިފްޓަށް އަރަމުންނެވެ.
“އާދެ އުރާލާނަން..” އިރަމް ގުދުވެލައި ޔޫވީން އުރާލަން އުޅުނު ހިނދު، ފަހަތުގައި ހުރި ސަދަފް އޭނަގެ އަތުގައި އަތް ލިއެވެ. ވަގުތުން އިރަމް އަށް ހުއްޓުން އަރައިގެންއެވެ. ސަދަފްގެ މޫނަށް ބަލައިލެވުނު އިރު، އޭނާ އަތްލައިގެން ހުރި ހިސާބުގައި ހުރި އާދަޔާއި ހިލާފް އިޙްސާސުން އިރަމްގެ ހިތައް ފިނިވެލިއެވެ. އެފަދަ ގޮތަކަށް ވިޔަސް އޭނާގެ ގައިގާ އިނގިލި ކުރިން ވެސް ސަދަފް ބީހިލާފާނެ ކަމަކަށް އިރަމް އުއްމީދެއް ނުކުރެއެވެ. އަދިވެސް އިރަމް ހީކޮށްގެން ހުރީ ސަދަފް، އޭނާ ދެކެ އައިސް ހުރި ރުޅި ހުރީ އެގޮތުގައި ކަމުގައެވެ.
“ލެޓް މީ” ސަދަފް މަޑުމަޑުން ބުނެލިއެވެ. ވަގުތުން އިރަމް އަތް ދުރުކޮށްލާފައި ކަރުކެހިލީ އެ އަދާއިން ކުރަމުން ކުރުވަމުން އިހްސާސްތައް ފުންވެދާނެ ކަމުގެ ބިރަށެވެ. ލިފްޓުން ފޭބުމުގެ ކުރީގައި ޔޫވީން އޮތީ ނިދިން ދެލޯ ބަރާވެފައެވެ. ކާރާއި ހިސާބަށް ގޮސް ޔޫވީން ބޭއްވީ ފަހަތު ސީޓުގައި ކަމުން އިރަމް ވެސް އުޅުނީ ފަހަތައް އަރާށެވެ. ނަމަވެސް ހުއްޓިލަން މަޖުބޫރު ވީ ސަދަފް ގޮވާލުމުންނެވެ.
“މިތާގަ ޔޫވީ ބާއްވާލަން ވެގެން، ކުރިއަށް އަރާ” ސަދަފް އެހެން ބުނި ނަމަވެސް އަރާކަށް އިރަމްއަކަށް ނުކެރުނެވެ. އިރަމް ބޯ އަރިކޮށްފައި ބަލައިލި އިރު ޔޫވީން ކުޑަކޮން ލޯ ހުޅުވާލައިގެން އޮތުމުން އެތަނުން ދިއުމުގެ މަގު ބަންދުވިއެވެ. އޭނާ ގޮސްފިކަން އެނގިއްޖެއްޔާ ތެދުވެ ރޯން ފަށާފާނެއެވެ.
“ދިސް އިޒް ސޯ އޯކްވަރޑް..ފްރީކިންގް އޯކްވަރޑް..ދެން ކިހިނެތް އަހަރެން ހަދަން ވީ.. މިތާގަ ހުންނަން ވީތަ” އިރަމްއަކަށް އެއިން ބަހެއް ދުލާއި ހަމައަށް ގެންނާކަށް ނުކެރުނެވެ. އެހެން ހުއްޓާ ޔޫވީން ބޭއްވުމަށްފަހު ސީޓުގެ ދޮރު ލެއްޕުމަށްފަހު ސަދަފް އައިސް ހުއްޓިލީ ސީދާ އިރަމްގެ ކުރިމަތީގައެވެ. ދުރުން މިހުރިޙާ ދުވަހު އުޅެފައި މިރޭ ކުއްލިއަކަށް ސަދަފްގެ އެ މިޒާޖު ފެނުމުން އިރަމްއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ.
“މީ އޯކޭތަ އަހަރެން ދިޔަސް.. މިހާރު ނިދާފާނެ” ދެއަތް ދެއަތާއި ގުޅުވާލަމުން އިރަމް ވާހަކަ ދެއްކީ ސަދަފްގެ މޫނަށް ނުބަލާ ހުރެއެވެ. ނަމަވެސް އަނެއްކާ ވެސް ސިހުނީ އޭނާގެ ދަތްދޮޅީގައި ހިފާ ކާރުގެ ބިއްލޫރި ގަނޑާއި ދިމާލަށް މޫނު އަނބުރާލުމުންނެވެ. އޭނާ ދައްކާލީ ދެމީހުންގެ އިންތިޒާރުގައި ސީޓުގައި ކޮޅަށް އިން ޔޫވީންއެވެ. އޭރުވެސް ބޯ ދިއްކޮށްލައިގެން އިނދެ ކާރަށް އެރުމަށް އަތުގެ އިޝާރާތުން ޔޫވީން ދިޔައީ އަންގަމުންނެވެ. އިރަމްއަށް ހިންދިރުވާލެވުނެވެ. ނަމަވެސް ސަދަފް އަދިވެސް ހުރީ އޭނާގެ ދަތްތޮޅީގައި ހިފަހައްޓައިގެން ކަމުން ހަރަކާތެއް ވެސް ގެންނަން ނުކެރުނެވެ.
“މަ ދެކެ ބިރުންތަ؟ ނޫނީ ހިތްހަމަ ނުޖެހިފަތަ؟” ސަދަފް އަތް ތިރިކޮށްލަމުން އެހިއެވެ.
ސަދަފް އެހެން އެބުނީ ކޮން މާނައެއްގާ ބާއޭ އިރަމްގެ ހިތައް ދިޔައީ އަރަމުންނެވެ. އެ ސުވާލު ކުރަންވީ އޭނާނޫން ހެއްޔެވެ. ކޮން ކަހަލަ ފިރިހެނެއް ހެއްޔެވެ. އެންމެ ފަހުން ގޯލްޑޭން ފޯކް ފާހާނަ ބަރީގެ ތެރެއިން ހިނގާދިޔަ ކަންތައް ގަނޑު ސަދަފް ހަނދާނުގާ ނެތީބާއެވެ. އެ ފަހުން އޭނާއާއި ދުރުން އުޅުނީ ސަދަފް ނޫން ހެއްޔެވެ. ގުޅުމުން ފާޅުގައި ‘އިގްނޯރ’ ކުރީއެވެ. އެންމެފަހުން ބޮލަށް އުނދަގޫ ވެގެން ‘ބްލޮކް’ ކޮށް ގުޅޭނެ އަދި މެސެޖް ކުރެވޭނެ ހުރިޙާ ދޮރެއް ބަންދުކޮށްލީއެވެ. އެއިން ކަމެއް މިހާރު ހަނދާނުގައި ނެތީބާއެވެ. އެއްޗެއް ނުބުނެ ހަނު ހުންނަން ހިތައް އަރުވާލާފައި ވެސް އިރަމް ގަސްތުކުރީ ލިބުނު ފުރުސަތުގެ ބޭނުން ހިފާށެވެ.
“ޔާހް ބިރުން.. ނޭވާ ލެވޭ ގޮތަކުން ވެސް ސަދަފް ގޮސްފާނަމެންނު މާއިން އާއި މަށާއި އަޅުވާ ކިޔާފަ.. ލެޓްސް ނޮޓް ޓޯކް އެބައުޓް އިޓް.. އެބަޖެހޭ އެމީއާއި އެކު ތެރަޕީ ސެޝަނަށް ދާން..” އިރަމް އުޅުނީ ކާރަށް އަރަން ދާށެވެ. ހިނގައިގަތް ނަމަވެސް އޭނައަށް ކުރިއަށް ނުދެވުނެވެ. ސަދަފް އޭނާގެ އަތުގައި ހިފި ގޮތައް ދަމާލުމުން އައިސް ތަތްލެވީ އެމޭގައެވެ.
“އެމީ ތެރެޕީއަށް ލާފަ މިއައީ، ދޮންބެ ދައްތަ ބުނެގެން.. ނިމުނީމަ ގެއަށް ގެންގޮސްދޭނެ” ސަދަފްއާއި ހަތަރުކަޅި ހަމަކޮށްލެވުނު ހިނދު، އިރަމްގެ ހިތް ތެޅެންފެށީ މަތަނުކޮށްލެވޭ ހާ ބާރުމިނުގައެވެ. އެއަޑު ސަދަފްއަށް އިވޭނެކަން ގައިމެވެ. މުޅި ހަށިގަނޑުގައި އުފެދުނު ކަރަންޓުގެ އޮއިވަރު ފުންވެގެން ދިޔައީ އޭނާގެ އުނަގަނޑުގައި ސަދަފް އެޅުވި އަތް ގަޔާއި ކައިރި ކޮށްލަމުން ދެމެދުގައި އޮތް ދުރުމިން ނައްތާލުމުންނެވެ. ޖެހި ފިތިގެން ތިބެވުނު އިރު އިރަމްގެ މޫނަށް ކަޅި ޖަހައިނުލާ ސަދަފް ދިޔައީ ބަލަމުންނެވެ.
“ދޮންތީ..އަވަސް ކުލޭ” ދެ ޒުވާނުން ސިހިގެން ދިޔައީ ޔޫވީންގެ އަޑުންނެވެ. ތެޅިގަނެފައި އިރަމް ދުރަށް ޖެހިލިއެވެ. އޭރުވެސް ސަދަފް ހުރީ ބަލަހައްޓައިގެންނެވެ.
“ލެޓްސް ގޯ ” އެހެން ހުރެފައި ސަދަފް ކާރަށް އަރަން ގޮސް ވެސް، އިރަމް އެރުމަށްޓަކައި ދޮރުފަތް ހުޅުވާލަ ދިނެވެ. އިރަމް އަރާ އިށީން އިރުވެސް އެ ތޫނު ނަޒަރު ހުއްޓިފައި ވަނީ އިރަމްގެ މޫނަށެވެ.
އެގެއަށް ދެވުމާއި ހަމައަށް ވެސް ދެމެދުގައި އޮތީ ހަމަހިމޭން ކަމެވެ. މަގުގެ ކުރިއަށް ވުރެން ސަދަފްގެ ނަޒަރު އިރަމްގެ މޫނަށް އަމާޒު ވެފައި ހުންނައިރު ގިނައެވެ. އިރަމްގެ ހިތުގެ ތެޅުން ހިނދަކަށް ވެސް މަޑު ޖެހި ނުލައެވެ.
ދޮރުވާނުން ބިޔަ ގޭޓު ހުޅުވާލަ ދިނުމުން ސަދަފް ކާރު ވައްދާފައި ބާއްވާލީ އެއްފަރާތުގައެވެ. އޭރު ހިމަފޮދުވާރޭ ގެ އަސަރު ދިޔައީ ކުރަމުންނެވެ. ކާރުން ނުކުމެ ފަހަތު ދޮރު ހުޅުވާ ބަލައިލި އިރު ޔޫވީންއަށް ނިދިފައި އޮތުމުން ސަދަފް، އޭނާ ނަގައިގަނެގެން ނުކުމެ ގެޔަށް ވަންނަން ދިޔައީ ކުޑަކޮން ދުވެލާފައެވެ. އެވަރުން ވެސް ފެނުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރިއެވެ. އޭނަގެ ފަހަތުން އިރަމް އައި ޔޫވީން އަރައިގެން އުޅުނު ބޫޓާއި އެގެޔަށް ގެންދިޔަ ދަބަސް ހިފައިގެންނެވެ.
ގޭތެރޭގައި އުޅެމުން ދިޔައީ ހަމައެކަނި ގޭގައި ގެންގުޅޭ މީހުންނެވެ. އާމިލާ ވެސް ހައިކަލް ވެސް ފެންނާކަށް ނެތެތެވެ. ޝާއިރާއާއި މަންހާ އަދި އާޝިއުގެ ހިލަމެއް ވެސް ނުވެއެވެ. އެކަމުން އިރަމްގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. ސަދަފް ގެ ފަހަތުން މައްޗަށް އަރައިގެން ގޮސް އިރަމް ވެސް ވަނީ ޔުމާންއާއި ނާޔާގެ ކޮޓަރިއަށެވެ. ޔޫވީންގެ އެނދުގައި ބާއްވާލާފައި ސަދަފް ތެދުވުމުން އިރަމް ގާތްވެ، ގައިމަތީގައި އޮތް ކުއިލްޓް ރަނގަޅު ކޮށްލަ ދިނެވެ. އެކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމީހުން ފަސް އެނބުރިލިއެވެ.
“އަހާން..މިއާދެވުނީ އަދި އޮފީހުން.. މަންމަމެން އެބަތިބި އެކުވެރިއަކާއި ދިމާ ވެގެން ނާދެވިފަ.. ” އޮފީސް ހެދުމުގައި ޔުމާން އައި ވަންއިރު އޭނާ ހުރީ ނުހަނު ބޮޑަށް ތެމިފައެވެ.
“ހާދަ ވަރަކަށް ދޮންބެ ތެމިފަ” ސަދަފް ހައިރާންވެގެން އެހިއެވެ.
“ކާރުން ނުކުތްތަނާ އެ ބޯކޮށްލީ.. ތެމިއްޖެ ރަނގަޅަށް ވެސް.. މި ވިއްސާރައިގަ ގެއަށް ދާން ނޫޅެ މަޑުކުރޭ އިނގޭ އިރޫ..ހުއްޓީމަ ދޮންތަބެ ދާނަން ގޮވައިގެން” ދެމީހުން ގާތުގައި ތިބުމުން ލާނެތް ޒާތަކަށް ޔުމާން ހީލަމުން ސަދަފްއަށް ނިތް އަރުވާލިއެވެ. ޔުމާން ދިމާކުރަނީކަން ވިސްނިގެން އޭނާގެ ގާތައް ވެސް ހުރީ ހިނިއަންނަގޮތްވެފައެވެ. ދެމީހުން ކޮޓަރިން ނުކުތީ ޔުމާން ފެންވަރަން ވަނުމުންނެވެ.
އެ ކޮޓަރީގެ ދޮރުން ބޭރަށް ނުކުމެވުމުން އިރަމްއަށް ހުރެވުނީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. ސަދަފް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރެފައި ހިނގައިގަތީ ސިޑީއާއި ދިމާލަށެވެ. އޭނާގެ ފަހަތުން އިރަމް ވެސް ގޮސްފައި ސިޑިއާއި ހިސާބުން މަޑުކޮށްލީ ސަދަފް އެންމެ މައްޗަށް އަރަން ދިއުމުންނެވެ. އެ ބައިގާ ހުންނާނީ އޭނާގެ ކޮޓަރިއާއި މާއިންގެ ކޮޓަރިއެވެ. ދެން ހުރީ ގޭގައި ގެންގުޅޭ މީހުންނަށް ހާއްސަކޮން ހުންނަ ބަޔަކާއި ހުސް ކޮޓަރިތަކެވެ. އަދި ޓެރެހެވެ. އެހިސާބުން މަޑު ޖެހިލާފައި ހުރެވުނު އިރު ސަދަފް ގޮވާ ނުލާ މައްޗަށް އަރަން ދިޔައެވެ. ހަމަހިލާ އެބަޔަށް އަރަން ދާކަށް އޭނާއަކަށް ނުކެރޭނެއެވެ. އެގެޔަށް ގެނެސް ބަހައްޓާފައި ސަދަފް އެހެން ހެދުމުން އިރަމް ހިސާބަކަށް ހިތުގައި ޖެހޭގޮތްވިއެވެ.
އިރަމް ގަސްތުކުރީ ނާޔާ އަންނަން ދެން އެތާގައި މަޑުކުރުމަށެވެ. ތިރީގައި ހުއްޓާ އެ ފޫހި މަންހާއަށް ފެންނާކަށް ބޭނުމެއް ނުވިއެވެ. ދެތިން ފަހަރު މިހާރު ޒަންޔާއަށް ވެސް ގުޅައިފިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ސިޑީގެ އަތްގަނޑުގައި ލެނގިލައިގެން އޭނާ ހުރީ ފޯނަށް ބަލަހައްޓާއި ގެންނެވެ.
“ޕޮއް!” އިރަމް ސިހުނީ ފަހަތުން މީހަކު އޭނާގެ ކަންފަތް ދޮށާއި ގާތުން ކުއްލިއަކަށް ގޮވާލުމުންނެވެ. އެމީހަކު ފިޔަވަޅު އަޑު ވެސް ނީއްވާ އައުމުން ރަނގަޅަށް ވެސް އިރަމް ސިހޭ ގޮތްވިއެވެ. ލުއި ހަޅޭކެއްގެ އަޑު އަނގައިން ބޭރުވި އިރު މޭގައި އަތް އަޅާލައިގެން ހުރެ ފަސް އެނބުރިލިއެވެ. އެއްކޮލަށް ހިނިއައިސް އޭނާގެ މޫނަށް ބަލަހައްޓައިގެން އެހުރީ މާއިން އެވެ. ކޮނޑުގައި ދަބަހެއް އޮތް އިރު އޭނާ ވެސް ގެއަށް ވަނީ ތެމިގެންނެވެ.
“ސިއްސައިގެން ދިޔައީ” މާއިން ކަޅި ޖަހައި ނުލަ ބަލަން ހުރި ގޮތުން އިރަމްއަށް އުނދަގޫވި ނަމަވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެވަގުތު މައްޗަށް ބަލައިލެވުނީ ސަދަފް ބަލަން ހުންނާނެ ކަމަކަށް ނޫނެވެ. ބޭނުންވީ މާއިންގެ ކުރިމަތިން އަވަހަށް ދެވޭނެ ގޮތެއް ހޯދާށެވެ. ނަމަވެސް ސިޑީގެ މަތީ ހަރުފަތުގައި ސަދަފް ހުރީ ސީދާ އިރަމްގެ ދެލޮލަށް ކަޅި ހުއްޓާލައިގެންނެވެ. ރެސްޓޯރެންޓްގެ ފާހާނާ ބަރިން ވެސް މާއިންއާއި ބައްދަލްވީ އެފަދައިން އިއްތިފާގުންނެވެ. މިއަދު ވެސް އެހެންނެވެ. މިއަދުވެސް ސަދަފް ހަދާނީ އެހެންބާއޭ ހީވެ އިރަމްގެ ދެލޮލަށް ފެންތައް ޖަމާވެގެންދިޔައެވެ.
“މިތާތަ ތިހުންނަނީ، ތިރީގަ ވެސް އިއްތާލަން ނުގޮސް..މްމްމް، އަންނަގަ ޓެރެހަށް ކޮފީއެއް ބޯން” މާއިން ދުރުދުރުން ވާހަކަ އަޅުވާލަން މަސައްކަތް ކުރަމުން ދިޔައިރުވެސް އެ ނަޒަރުގައި ހުރި އިންޒާރުން އިރަމް ބޭނުންވީ އެތަނުން އަވަހަށް ދާށެވެ.
“ދެން އާދެބަލަ، އަހަރެންގެ ނެތޭ ކޮފީއަކަށް ވެސް ގެންދާނެ މީހެއް.. ވީ ކެން ބީ ފްރެންޑްސް ރައިޓް؟” އިރަމް އެއްޗެއް ނުބުނެ ހުންނަން ފެށުމުން ދެވަނަ ފަހަރަށް ވެސް މާއިން ވާހަކަ ދެއްކިއެވެ.
“މްމްމް ނޫނޭ، އަހަރެމެން އެހާ ކްލޯޒް އެއްވެސް ނޫނެއްނު ކޮފީ ބޯ ވަރަށް ވުރެން.. އައި ހޭވް އަ ބީ އެފް މާއިން.. އުއްމީދު ކުރަން މިބުނި އެއްޗެއް ފަހުމް ވާނެ ކަމަށް” އިރަމް ޖަވާބު ދިން ހިނދު މާއިންގެ މޫނުމައްޗަށް އަރައިގެން ދިޔަ ނުރުހުމުގެ ކުލަވަރު އިރަމްއަށް ސާފްކޮން ފެނުނެވެ. އޭނާ ހުރެވުނީ ދާން ބޭނުންވެ، ހަދާނެ ގޮތެއް ނޭނގިފައެވެ.
“ބޭބީ، ކަމް” އިރަމް ހަދާ އެއްޗެއް ބަލަން ސިޑިމަތީގައި މަޑުކޮށްލައިގެން ހުރެފައި ސަދަފް ތިރިއަށް ފައިބަމުން ގޮވާލިއެވެ. އެހިނދު މާއިން އާއި އިރަމްގެ ކަޅި ހުއްޓުނީ އޭނާގެ މޫނަށެވެ. މާއިންގެ ނަފްރަތުން ފުރިފައިވި ނަޒަރައް އަޅައިލުމެއް ނުދީ، އިރަމްގެ އުނަގަނޑުގައި ހިފާލައިގެން ހުރެ ސަދަފް މައްޗަށް އެރިއެވެ. ސަދަފްގެ އަމިއްލަ ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލީ މާއިން އެ މަންޒަރު ބަލަން ހުންނާނެކަން ޔަގީނާއި ގާތައް އެނގުމުންނެވެ.
ކޮޓަރިއަށް ވަދެވުމާއި އެކު އިރަމް އަށް ދުރަށް ޖެހިލެވުނެވެ. ސަދަފްގެ އެ އަމަލުން ހުރެވުނީ ވިސްނަންވީ ގޮތެއް ވެސް ނޭނގިފައެވެ. އޭނާ ބަލައިލި އިރު ސަދަފް ވެސް ހުރީ ބަލަހައްޓައިގެންނެވެ. މިރޭ އާދަޔާއި ހިލާފަށް އެ ބެލުންތައް ވެސް ގިނައެވެ. ސަދަފްގެ އަމަލުތައް ވެސް ތަފާތެވެ. ހަދަންވީ ގޮތެއް ނޭނގިފައި ހުރެ، ސަދަފްގެ މޫނުން ނަޒަރު ދުރުކޮށްލަމުން އެ މާހައުލަށް ކަޅި ހިންގާލެވުނެވެ. ހާދަ ތަރުތީބެވެ. ތަނަކުން ކުޑަވެސް ނުސާފުކަމެއް ނުފެނެއެވެ. ހުރިހާތާކުން އޮފްއަރައެވެ. މަދުމަދުން ހުދުކުލަ ފެނުނު ނަމަވެސް މުޅި ކޮޓަރިތެރޭގައި ވަނީ ކަޅުކުލައެވެ. ކޮޓަރި ތެރެ އިރަމްއަށް ސިފަވެގެން ދިޔައީ، ” ޑާކް ރޮމޭންސް” ފިލްމުތަކުން ފެންނަ ނުވަތަ ވާހަކަތަކުގައި ސިފަކޮށްދީފައި ހުންނަ ފަދަ ކޮޓަރިއަކާއި އެވެ. ވަނީ ވެސް ފަނޑު އަލިކަމެކެވެ. އެއީ، އެނދުގެ ދެފަރާތުގައިވާ ސައިޑް ޓޭބަލްގެ މަތީގައި، ކުޑަވަރެއްގެ އުއްބައްތި ސްޓޭންޑްތަކެއް ހުރިއިރު، ދިއްލާފައި ހުރުމުން އެއިން އަންނަ އަލިކަމާއި ސީލިންގުގައި ހުރި ޗާންދަލިޔާއިން އަންނަ މަޑު އޮރެންޖް ކުލައިގެ އަލިކަމެވެ. އަނެއްކޮޅުން ހުޅުވާފައި ހުރި ބެލްކޮނީގެ ދޮރުން ވާރޭ ވެހޭ މަންޒަރު ދިޔައީ ހާމައަށް ފެންނަމުންނެވެ. ތަނުގެ ހަމަހިމޭން ކަން ވެސް ނަގާލެވިފައިވަނީ ރީތި ރާގަކަށް އިވޭ ވާރޭގެ އަޑުންނެވެ.
އެފަދަ މާހައުލެއްގައި ސަދަފްގެ ގާތުގައި ހުންނަ ޖެހުމުން އިރަމްއަށް ވަމުން ދިޔަ ގޮތުން ތުންފަތުގައި ބާރަށް ދަތް އަޅުޥާލިއެވެ.
އަމިއްލަ އިޙްސާސްތައް ކިތަންމެ ބޮޑަކަށް މަތަކުރަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ހިތުގެ މަލިކާ ކުރިމަތީގައި ހުރުމުން ދިޔައީ އެމަސައްކަތައް ނުހަނު އުނދަގޫ ވަމުންނެވެ. ޗާންދަލިޔާއިން އަންނަ އޮރެންޖު އަލި އިރަމްގެ ދޮން މޫނަށް އެޅިފައިވާ ގޮތުން ސަދަފްގެ ހިތް އަވަސް ކުރުވަމުން ދިޔައެވެ. ދޭތެރެއަކުން ތުންފަތުގައި ދައިގަންނަ ގޮތުން ފާއްދާލާފައިވާ ލޭކުލައިން ސަދަފްއަށް ހިންދިރުވާލެވުނެވެ. އިރަމްއާއި ގާތައް ޖެހިލެވެމުން ދިޔައިރު ހުއްޓިލެވުނީ ޖެހޭ ނުޖެހޭހާ ގާތުގައިއެވެ.
“މީ..މި.. ދާން ޖެހިއްޖެ” ސަދަފްގެ ނަޒަރުން ފިނިވެ ހަށިގަނޑު ގަނޑުފެނަށް ވަމުން ދިޔަ ހިނދު އިރަމް ބޭނުންވީ އެ އަސަރުތައް ފޮރުވާލުމަށްޓަކައި އެތަނުން ވީ އެންމެ އަވަހަކަށް ފިލައިގެން ދާށެވެ. ނަމަވެސް ދެވުނީ ދޮރާއި ހިސާބަށެވެ. އޭނާގެ އަތުގައި ހިފާލި ގޮތައް ސަދަފް ހުއްޓުވިއެވެ. ގާތައް ގެނެސް ސަދަފް ހުއްޓިލީ އިރަމްގެ ފަހަތުގައެވެ.
“އެހާ އަވަހަށް ފޮނުވާލާކަށް ނޫން ގެނައީ”
ސަދަފްގެ އަޑު މަޑެވެ. އިރަމްގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން ވާހަކަ ދެއްކިގޮތުން އިރަމްގެ ކަނދުރާއަށް ސަދަފްގެ ތުނބުޅީގެ އިޙްސާސް ކުރެވެމުން ދިޔައެވެ. ނޭވާ ވެސް ހީވީ ތާށިވެގެން ދިޔަހެންނެވެ. މުޅި ކުއްޖާގެ އަތް އަތްފައި އާދަޔާއި ހިލާފަށް ފިނިވަމުން ދިޔައިރު އިތުރު ސިހުމެއް ލިބުނީ، ފަހަތުން އިރަމްގެ ބަނޑުގައި އަތް އަޅުވާލާ ގަޔާއި ފިއްތާލުމުންނެވެ. ޔަގީނުންވެސް އިރަމް ހަށިގަނޑުގައި ހިފާލާއިފައިވާ ތުރުތުރާއި ހިތުގެ ތެޅުން އޭނާއަށް އިޙްސާސް ވާނެއެވެ.
“ސަ..ސަ.ދަފް” ސަދަފްގެ އެ ގައިގޯޅިކަމުން އިރަމްގެ ދެތުންފަތް ހަރަކާތް ކުރިއެވެ. ހިތް ހީވަނީ އޭގެ މަގާމުން ފުންމާލަން އުޅުނުހެންނެވެ. އަމިއްލަ މޫނުމަތީގެ ރަތްކަން އިރަމްއަށް އެނގުންވެލިއެވެ.
“މްމްމް، ޓެލް މީ، ހޫ އިޒް ޔޯ ބީއެފް؟” އެހުރިގޮތައް ހުރެ ސަދަފް ސުވާލުކޮށްލިއެވެ.
“ވައި ޑޫޔޫ ކެއަރ.. ކީއްކުރަން މާއިންގެ ކައިރިއަށް ދޫކޮށްލާފަ ދިޔައީ؟ އަހަރެން ކޮންމެ ގޮތަކަށް ބުންޏަސް ސަދަފް ގަބޫލު ކުރާނީ ބޭނުން ގޮތަކަށްނު.. އެންޑް އިފް އަމް ޓޫ މަޗް، ޖަސްޓް ބްލޮކް މީ! ” އިރަމް ވާހަކަ ދެއްކީ މަޑުން ނަމަވެސް ހިތުގައިވި ޝަކުވާ ސަދަފްއަށް އިއްވާލަދިނެވެ. ސަދަފް އެއްޗެއް ނުބުނެ އިރަމްގެ އަރިކަށީގައި އަތް އަޅުވާލަމުން އޭނާއާއި ކުރިމަތިވާނެހެން އަނބުރާލިއެވެ. އަދި އުނަގަނޑުގައި އަތް އަޅުވާލަމުން ގައިގާ ތަތްކޮށްލިއެވެ. އިރަމްގެ މޫނާއި މޫނު ގާތްކޮށްލި ހިނދު އިރަމްވެސް ހުރީ ބަލަހައްޓާއިގެންނެވެ.އިރަމް ކުރި ސުވާލަށް ޖަވާބު ދެވޭވަރަށް ވުރެން ސަދަފްގެ ސަމާލުކަން އެހެން ކަމަކަށް ހުއްޓުނެވެ. އިރަމްގެ ލޭކުލައިގެ ތުންފަތައް އޭނާއަށް ބެލެމުން ދިޔައެވެ.
“ޓޯކް ޓު އަނަދަރ މޭން، އެންޑް ހީ އިޒް ޑެޑް! އިޓްސް ދެޓް ސިމްޕަލް.. އައި ޑޯންޓް ކެއަރ އެބައުޓް ކޮންސިކުއެންސަސް.. އަލް ޓޭކް ދި ޕްރިޒަން ވޯލްސް، ދި ލައިފް ޓައިމް ސެންޓެންސް.. ނޮން އޮފް އިޓް މެޓާރސް ވެން އިޓް ކަމްސް ޓު ޔޫ” އެހާ ގާތުން އެ ދެލޮލަށް ބަލަން ހުރެ ސަދަފް އިއްވާލީ އިންޒާރެއް ފަދައިންނެވެ. ސަދަފްގެ ހިތުގެ ޝުޢޫރުތައް ދުލުން ބަޔާންނުކުރި ކަމުގައި ވިޔަސް، އޭނާގެ ހިތުގެ ތެޅުން އިރަމްއަށް އިޙްސާސްވަމުން ދިޔަ ކަހަލައެވެ. ސަދަފްގެ އެ ޖެހިލުންކުޑަ ބަސްތަކުން އިރަމްގެ މުޅި ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ހިލިގަތެވެ.
އިރަމްއަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. ލަސްލަހުން މޫނު ކައިރި ކޮށްލެވުނު އިރުވެސް ނޭނގުނެވެ. އެ ނޭވާގެ ހޫނުކަން މޫނަށް އެޅިގެން ދިއުމާއިއެކު، އިޚްތިޔާރުން ބޭރުގައި ދެލޯ މެރިގެން ދިޔައެވެ. އެހިނދު ސަދަފްގެ ތުންފަތް އިޙްސާސްވެގެން ދިޔައެވެ. ކުރިޔަށް ވުރެން ބާރަށް އެ ހިމަ އުނަގަނޑުގައި ސަދަފްގެ އަތް އަޅުވާލާ ފިއްތާލިއެވެ. އަމިއްލަ ދުނިޔެއަށް ގެއްލިފައި ތިބި ދެޒުވާނުންނާއި ، މޫސުން ވެސް ހީވީ ބައިވެރިވެލީ ހެންނެވެ. ކުރިޔަށް ވުރެން ކެރި ބޯކޮށްލިއެވެ. ސަދަފްގެ އަތުގެ ތެރޭގައި ހުރެވުނު ގާތްކަން ވެސް އިރަމްއަށް އިޙްސާސްނުވާ ކަހަލައެވެ. އިރަމްއަށް ވެސް ސަދަފްއާއި އެއްވަރަށް އެކަމުގައި ބައިވެރިވެވުނެވެ.
ދެޒުވާނުންނަށް ހުއްޓިލަން މަޖުބޫރުވެގެން ދިޔައީ ކޮޓަރީގެ ބޭރުން ޔުމާންގެ އަޑު އިވިފައެވެ. ނޭވާ ހަމައަކަށް އަޅުވާލަމުން ބަލައިލެވުނީ އިރަމްގެ މޫނަށެވެ. އޭރު އިރަމްގެ މޫނަށް ވެސް ހުރީ ތުންފަތުގައިވާ ރަތްކުލަ ވެރިވެފައެވެ.
ލަދުން ގޮސް ވިރެމުން ދިޔަ އިރަމް، ކުއްލިއަކަށް ސަދަފްގެ އަތުގެ ތެރެއިން ދެމިގަނެގެން ދުރުވެލިއެވެ. އިތުރަށް ސަދަފްގެ ދެލޮލަށް ބަލައިލާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. އިސްޖަހާލައިގެން ހުރެ، ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ބޭރަށް ދުއްވައިގަތެވެ. އެ މަންޒަރު ބަލަން ހުރި ސަދަފްގެ ތުންފަތްމައްޗަށް ވެރިވީ ފިރިހެންވަންތަ، މާނަފުން ހިނިތުންވުމެކެވެ.
****
ބަދިގޭގެ ތެރެއިން ލިވިންގްރޫމަށް އިޔާން ނުކުމެލީ ކޮފީއެއް ހިފައިގެންނެވެ. ބޮލުގައި ރިއްސާވަރުން ނިދަން އޮއްތާލާފައި ވެސް ތެދުވަން މަޖުބޫރުވީ ވިޝާމް ގުޅާފައި މުހިއްމު ކަމަކު ބައްދަލު ކޮށްލަން އަންނަ ހަބަރު ދިނުމުންނެވެ. އޭނާ އައުމުގެ ކުރިން ، ކުރީން ފަށާފައިވާ މަސައްކަތުގެ ބައެއް ނިމޭތޯ އިށިންދެލީ ލެޕްޓޮޕާއި އެކަމަށް ޓަކައި ގެންގުޅޭ ނޯޓުފޮތް އަދި ފައިލް ވެސް ހިފައިގެންނެވެ.
ފައިލް ރަނގަޅަށް ހުޅުވާވެސް ނުލެވެނީސް ދޮރުހުޅުވުނު އަޑުއަހާފާއި ބަލައިލި އިރު ވިޝާމްއެވެ.
“ކައެ، މިގެއަށް އައިސް ތަ ތިގުޅީ.. ހާދަ ފާސްޓޭ” ކުޑަކޮން ހިނިއައިސް އިނދެ އިޔާން ވާހަކަ ދެއްކިއެވެ. ކޮފީ މަގުން ފުރަތަމަ ކޯވަރު ބޯލަމުން ފައިލް ލައްޕާލިއެވެ.
“ކާރަށް އަރާފަ” ވިޝާމްގެ މޫނުމައްޗަކުން ސަމާސާގެ އެއްވެސް ކުލައެއް ނުފެނެއެވެ.
“ކަމެއް ވީތަ؟”އިޔާން ތެދުވެ ބަދިގެއަށް މިސްޜާބު ޖަހަމުން އަހާއިލިއެވެ. އެނބުރި އައީ ވިޝާމްއަށް ވެސް ކޮފީ މަގެއް ހިފައިގެންނެވެ.
“ބްރޯއަށް ހުޅުމާލެއިން ނަދީމްބެ ދީފަ ހުރި ހުދު ގަނޑުވަރު ކިހާ ހިސާބަކަށް ގޮސްފި؟” ވިޝާމް އިނދެ ކޮށްލި ސުވާލުން އިޔާންއަށް އަނގަ ހަދާލެވުނެވެ. އެ ސުވާލު ކުރި ގޮތުން އިޔާން ގާތައް ހިނިވެސް އައެވެ.
“ކީއްވީ؟ އާން އެތަން ނިމިގެން ކޮން ދުވަހެއް.. ހުސްކޮން ހުރީ.. މިހާރު ވެސް ދާންވީ ހަމަ.. ބޭނުން ވީތަ؟” އިޔާން އަނެއްކާ ވެސް ކޮފީގެ ކޯވަރެއް ބޯލަމުން ނިތްއަރުވާލިއެވެ.
“ހޫމްމް، ދުވަސްކޮޅަކަށް ބޭނުން ވެގެން .. ދީފާނަންތަ؟”
“ޔެޕް.. އެއޮތީ ކީ ހަމަ މިހާރުވެސް ދީފާނަން” އިޔާން ސުވާލެއް ވެސް ނުކުރެއެވެ.
“ކައެ ހާދަ ކޫލްއޭ.. ސުވާލެއް ވެސް ނުކުރޭ؟”
“ދެން ކަލޭ ކަމަކު ބުނީމަ މަ ނުކޮށްދީ ނުހުންނަމެންނު..މަ ކީއްކުރަން އަހާ ސުވާލެއްތަ.. ތިހާ މަ ލައްވާ ސުވާލުކުރުވާ ހިތުން އުޅެންޏާ ކޮއްފާނަމޭ.. ކޮން ސުވާލެއް ކުރަން ވީ؟”
އިޔާން ބުނެލިއެވެ. މިފަހަރު ވިޝާމްގެ ގާތައް ވެސް ހިނިއައެވެ. އިޔާން ގެނެސް ހުރި ކޮފީ މަގު އަތައް ހެއޮވަރުކޮށްލަމުން ރަނގަޅަށް ސޯފާގައި ހަމަޖެހިލިއެވެ. އެހެން އިންދާ އެއްލި ކަޅިއަކުން މޭޒުމަތީގައި އޮތް ފައިލް ފެނިއްޖެއެވެ. ސިހުނީ ފައިލަކުން ނޫނެވެ. ފައިލްގެ ކައިރީގައި ހުޅުވާލަފައިވާ ނޯޓު ފޮތުންނެވެ. އޭގައި ނޯޓުކޮށްފައި ހުރި ޕޮއިންޓުތައް ފެނި ވިޝާމް އެ ފޮތް ނެގިއެވެ.
“އޭއި އޭއި ތިޔާއި ނުބެހޭ” ވިޝާމް އެ ފޮތް ނެނގިތަން ފެނި އިޔާންއަކަށް މަޑުންނެއް ނީނދެވުނެވެ. ތެޅިގަނެފައި ފޮތް އަތުލަން އުޅުނު ނަމަވެސް އެއަށް ވުރެން ވިޝާމްގެ ހަރަކާތް މާ ހުށިޔާރެވެ. އޭނާއަށް ފޮތް ޖަހައިގަނެވުނީ ވިޝާމް އެ ކިޔާ ނިންމި ފަހުންނެވެ.
“ސޯ، ޔޫ ނޯރ އެބައުޓް ހަރ؟ އެމީ އަކީ އަމަޔާކަން” ވިޝާމްގެ އަޑުން އިޔާން ރަނގަޅަށް ވެސް ސިހުނެވެ. އެއްޗެއް ނުބުނެވި އިންދާ އަނެއްކާ ވެސް ވާހަކަ ދެއްކީ ވިޝާމްއެވެ.
“އެހެންވީމަ ކިޔައި ނުދީ ދެން ނުޥާނެ ދޯ.. ދައްކަން އައި ވާހަކަ އަކީ ވެސް އެ.. އިޔާން، މާކިން ފެނިއްޖެ”
“އޭންން؟ ކޮންތާކުން؟ ކޮބާ؟” ދެލޯ ބޮޑުވެފައި އިނދެ ސުޥާލުކުރެވުނެވެ.
“ރާއްޖެ ގެނެވޭތޯ މިއުޅެނީ.. މަ ބޭނުމީ އެމީހުން ގެނެސް އެހެން މީހުންނަށް ނުފެންނަ ތާކު ބަހައްޓަން..ބުރޯގެ ގެޔާއި ބެހޭގޮތުން މި ސުވާލު ކުރީ އެހެންވެ.. ހާއްސަ ކޮން ޝާއިޜާއާއި މަންހާއާއި ފޮރުވަން ބޭނުން.. އެންމެ ކުޑަމިނުން މަގޭ މަންމަ ގާތު ވެސް ނުބުނައްޗޭ އެގޭގެ އެޑްރެސް ނޫނީ ކަންވުމުގެ ކުރިން ހުރިހާ ކަމެއް ފްލޮޕް ވާނެ.. އޮޅިގެން ވެސް ބުނެވިއްޖެއްޔާ މަންމަގެ ގާތުން ޝާއިރާ ކޮނެލާނެ .. މާކިން އެތާގަ ހުރިއްޔާ އެ ހޫގޯ އަކު އައިސް މާކިންއަށް ހަދާނެ ގޮތެއް ވެސް ނޭނގޭ” ވިޝާމް ދެއްކި ޥާހަކައަކުން އިޔާންއަކަށް މާ ބޮޑު އެއްޗެއް ފަހުމެއް ނުވިއެވެ.
“ތި ތަންކޮޅެއް ސާފްވާހެން ކިޔާބަލަ” އިޔާންއަކަށް މަޑަކުން ނުހުރެވުނެވެ. ވިޝާމް ބޯޖަހާލާފައި ކިޔައިދޭން ފެށިއެވެ. އެއްވެސް ކަމެއް ފޮރުވުމަކާއި ނުލާ ހުރިހާ ކަމެއް ކިޔައިދިނެވެ. އަމާޔާއަކީ އަމީރާކަން އެނގުނު ވެސް ބުނެދިނެވެ. އަދި އަމީރާއަށް އެނގުނު ކަންކަމާއި ޖިނާން އަންނަކަމާއި އަމާޔާގެ ވާހަކަ އަމީޜާއަށް ނޭނގޭނެ ކަމަށް ވިޝާމް ބުންޏެވެ.
“ވަޓް؟” އެހުރިޙާ ޥާހަކައެއް އެނގުމަށްފަހު ހައިރާންވެފައި އިން އިޔާންއަށް ބުނެވުނެވެ. އޭނާގެ ދެލޯ ވެސް ތަންމިނަށް ހުޅުވިފައި އިން އިރު ގަބޫލު ކުރަން އިނީ އިންތިހާއަށް އުނދަގޫވެފައެވެ.
“މޫނު ބުރުގާ-” އެއްޗެއް ބުނަން އުޅެފައި ވެސް އިޔާން ލެޕްޓޮޕް ކައިރިކޮށްލިއެވެ. ސޯދިގްގެ ކޮމްޕިއުޓަރުން އެޅި ސާމާނުތައް އޭނާގެ ލެޕްޓޮޕު ހޯދުމަށްފަހު، ވިޝާމްގެ ގާތުގަ ކައިރިއަށް ޖެހިލަން އެދުނެވެ.
“މީ ކޯއްޗެއް؟” ވިޝާމްއަށް އެހުނެވެ. އިޔާން ޖަވާބު ނުދީ އަތުން އިޝާރާތް ކޮށްލީ ލެޕްޓޮޕްގެ ސްކުރީނަށް ބެލުމަށެވެ.
އިޔާން ދެތިން ވީޑިއޯ ބެލިއިރުވެސް، އެގޭ ފެންނަހެން އިން ވީޑިއޯއާއި ދިމާ ނުވިއެވެ. އެފަދަ އެތައް ވީޑިއޯކޮޅެއް ވާއިރު އެ މަންޒަރު ވަކިން ހޯދުމަށް ފުދޭވަރަކަށް އުނދަގޫ ވާނެތާއެވެ. ތިރީހަކަށް މިނެޓް ހޭދަވި ފަހުން އިޔާންގެ ލޮލުގައި އެ މަންޒަރު އަޅައިގަތެވެ.
“މި ވީޑީއޯ ކޮޅު ދެއްކުމުގެ ކުރިން ބުނެލާނަން އެއްޗެއް..ވަރަށް ދުވަސް ކުރިން އަހަރެމެންނަށް އެނގިއްޖެ ތިގޭ ކުރިމަތީގަ، މަގުގެ އަނެއް ފަރާތުގަ އެހުރި ކެމެރާގެ މަންޒަރޭ ކިޔާފަ އޭރު މައްސަލައާއި ހަވާލުވެ ތިބި ފުލުހުން ދެއްކީ މުޅިންގޯސް އެއްޗެއް ކަން.. އެއީ ހަމަ އޮޅުވާލުމެއް.. މީހަކު ކުޅެލި ޑްރާމާއެއް.. މި މައްސަލައާއި ހަވާލުވެގެން ފުރަތަމަ ވެސް މަށާއި މަހުދީ ކުރި ކަމަކީ އެ ވީޑިއޯ ބެލުން.. ދެދުވަސް އެ ބެލިފަހުން ފާހަގަވި ކުދި ކުދި ބްރޭކްތައް ވީޑިއޯގެ މެދު ތެރެއިން..އެ ވެސް ދައްކާލާނަން ފަހުން، ފުރަތަމަ މީތި” އިޔާންގެ ވާހަކަ އަޑު އަހަން ވިޝާމް އިނެވެ. އިޔާން އެ ފެންނަ ވީޑިއޯ ކޮޅު އަޅުޥާލަ ދިނެވެ. މާ ބޮޑަށް ބޮޑު ކޮށްލުމުން ވެސް ނުސާފުކަމަށް ދައްކާތީ، އެހާ ބޮޑުނުކޮށް، ފުދޭވަރަކަށް ސާފްކޮން ފެންނާނެހެން މަންޒަރުތައް ބަލަން ފެށިއެވެ.
ފުރަތަމަ ވެސް ފެނިގެން ދަނީ އަމާޔާ ގެއިން ނުކުމެގެން ދާ މަންޒަރެވެ. ނުކެރި ހުރެފައި މަގުހުރަސް ކޮށްލަމުން އޭނާ އައިސް މަޑުކޮށްލަނީ ކެމެރާ އިން ފަޅީގައި އޮތް ވޭނެއްގެ ކައިރީގައެވެ. އަމާޔާ އައިސް މަޑުކޮށްލައިގެން ހުރީ ކެމެރާއާއި ފުދޭވަރަކަށް ގާތުގައި ކަމުން، އެހިސާބުން އޭނާގެ މޫނުވެސް ތަންކޮޅެއް ސާފެވެ. އެވަގުތުވެސް އޭނާ ރޮމުން ދިޔަކަން އެދެލޯ ހެކިދެއެވެ. މިހާރު އެފެނިގެންދާ އެއްވެސް މަންޒަރަކީ ކުރީގެ ވީޑިއޯއިން އިޔާންއަށް ފެނުނު މަންޒަރެއް ނޫނެވެ. އެއަށްވުރެން މަންޒަރުތައް ވެސް ސާފެވެ. އެކަމާއި އިޔާން އިނީ ހައިޜާން ވެފައެވެ. ދެން ފެނުނީ ބިއްލޫރި ދޮރުފަތުގައި އަމާޔާ ޓަކި ޖަހާލި ތަނެވެ. އެއާއި އެކު އެތެރޭގައި ތިބި ބަޔަކު ދޮރު ހުޅުވާލިއެވެ. އަމާޔާ ވަގުތުން އެރުމާއި އެކު ވޭން ދުއްވާލިއެވެ.
”ޒޫމް ކޮށްލަން އެބަ” އިޔާން ވީޑިއޯކޮޅު ހުއްޓާލީ، ވޭން އަނބުރާލި ވަގުތު އެތެރެ ފެންނާނެ ހެންނެވެ. ބޮޑުކޮށްލެވޭ އެންމެ ބޮޑަކަށް މަންޒަރުތައް ބަދަލު ކޮށްލިއެވެ. އެވަގުތު ފެނުނު މަންޒަރުން ދެމީހުންނަށް ވެސް އެކަކު އަނެއްކަކުގެ މޫނަށް ބަލައިލެވުނެވެ.
އެތެރޭގައި އިނީ މޫނު ބުރުގާ އަޅައިގެން އިންއަންހެނެކެވެ. އޭނާގެ ކައިރީގައި ޑުރައިވަރު ސީޓުގައި އެއިނީ ސޯދިގު ނޫން އިތުރު މީހެއް ނޫނެވެ. އަހަރުތަކެއް ކުރީގެ މަންޒަރެއް ނަމަވެސް ސޯދިގުގެ ސޫރައެއް ދެމީހުން ކުރެ އެކަކަށް ވެސް ނޯޅުނެވެ. އަމާޔާ ފަހަތުގައި އިން އިރު އިތުރު މީހެއް ފަހަތު ސީޓުގައި އިނެވެ. ނަމަވެސް، އެތައް ގޮތަކުން ބެލި އިރުވެސް އޭނާގެ މޫނަށް ހިޔަނި އެޅިފައިވާ ގޮތުން ސިފަ ވަކިކުރާކަށް ނޭނގުނެވެ.
އެހުރިހާ ކަމެއްގެ ތެރެއިން ވެސް ދެމީހުންގެ ސަލާމަލުކަން ހުއްޓުނީ ކުރީ ސީޓުގައި އެއިން މޫނުބުރުގާ އަޅައިގެން ހުރި މީހާއަށެވެ.
“ވަޓް ދަ ފަ*! އެމީ ހޮސްޕިޓަލުން ނެގީ މޫނު ބުރުގާ އަޅައިގެން ހުރި މީހެއް.. ހޫގޯގެ ގެއިން ލިއޯއަށް ފެނުނީ މޫނު ބުރުގާ އަޅާފަ ހުރި އަންހެނެއް.. ނައު ހިޔަރ މޫނު ބުރުގާ އަޅާއިގެން ހުރި މީހެއް.. ވަޓްސް ގޮއިން އޮން! ” އިޔާން އިނީ ރަނގަޅަށް ވެސް ހާސްވެފައެވެ. ވިޝާމްގެ ހާލަތު މާ ގޯހެވެ. ފެންނަމުން ދިޔަ ސްކުރީނަށް ބަލަން އިން އިރު ވާހަކަ ދެއްކުމަށް ވެސް އިނީ ނުކުޅެދިފައެވެ. އޭނާގެ ބަލަހައްޓައިގެން ހުރީ ސޯދިގަށެވެ. ކިތަންމެ ބޮޑު ދުޝްމަނު ކަމެއް ހައިކަލްއާއި ދެމެދު އޮތް ނަމަވެސް އެހާ ދަށް ފެންވަރަކަށް ސޯދިގު ވެއްޓިދާނެ ކަމަކަށް ހިތަކަށް ވެސް ނާރައެވެ. ދެން ވިޝާމް ކަޅި ހުއްޓުނީ އެ އަންހެން މީހާއަށެވެ. ވިޝާމްގެ އަތް މައްޗަށް ނެގުނު އިރު ޝަހާދަތް އިނގިލި ޖައްސާލެވުނީ އެ އަންހެން މީހާގެ ލޮލާއި ދިމާލުގައެވެ. އިނގިލި ތިރިކުރަމުން ގޮސް ހުއްޓުވާލީ އޭނާ ލައިގެން ހުރި ހެދުމާއި ހިސާބަށެވެ. އޭރު ވިޝާމްގެ އަތް ވެސް ތުރުތުރު އަޅައެވެ. ހިތައް ވެރިވެގެން ދިޔަހިޔާލުން މެއިން ދިލަ ނަގައިގަތެވެ. އިޙްތިޔާރެއް ނެތި ވިޝާމްގެ ލޮލުން ފެންތައް ފައިބައިގަތެވެ.
****
(ނުނިމޭ)

12 ހިޔާލު

  1. Apple
    01:04 ⁧⁦18/4/2026⁩⁩

    Vvvvv reethi kiyaahithun indha nimunu iruves neyngun Kon dhuvahakun thw hiraas vaahaka up kolladheynee

  2. eviee
    01:49 ⁧⁦18/4/2026⁩⁩

    oh my goddd next part kiyaa hithun hureveny eh noon
    this is truly the best story I’ve read 💗💗

  3. Aziiim
    12:46 ⁧⁦18/4/2026⁩⁩

    V salhi
    V reethi
    Dark romance🔥🥵

  4. ziatra
    14:07 ⁧⁦18/4/2026⁩⁩

    Alheyyyyy can’t wait for next part 😭😭😭 konme dhuvahaku page check kohllevey vaahaka up vithoa 😭😭

  5. Yukee
    16:21 ⁧⁦18/4/2026⁩⁩

    Alhey haadha salhi ey .. vishaam ah lolun e inguny eh nulafaa shaairaa kan … kiya kiyaa indha nimun iruves neygun… haadha reeiichey mi vaahaka.. best writer hama .. week aku 2 faharu namves upload kohla dheeba .. vrh kiyaa hiyy vey … haadha inthizaare k kuran jeheny ehn noony 1 faharu kiyan libeythee … next part avahah up kohdhehchey … very interesting and very very nice story..love you writer 🥰😘 love this story so much ❤️

  6. Kiwi
    18:21 ⁧⁦20/4/2026⁩⁩

    VVV reethi vaahaka
    Kon dhuvahakun dhen next part upload
    Kohlanee

  7. Anonymous
    17:33 ⁧⁦23/4/2026⁩⁩

    Hey ann. When are you gonna upload the next chapter.

  8. Anonymous
    10:57 ⁧⁦24/4/2026⁩⁩

    hey ann. when’s next

  9. Yukee
    17:00 ⁧⁦26/4/2026⁩⁩

    Alhe next part kobaa tha ..ehn vaahaka thah nereyitu mi vaahaka eh nunere 😒

  10. Yukee
    17:01 ⁧⁦26/4/2026⁩⁩

    Dhn mihaaru maa las v ma dhn nereyoru 2 part ehkoh neren vaane. Dhn avaskohbalaa

  11. Anonymous
    21:26 ⁧⁦28/4/2026⁩⁩

    why is it taking so long i am checking every 2 hours

  12. Anonymous
    12:28 ⁧⁦29/4/2026⁩⁩

    helllo

ކިޔުންތެރިންގެ ހިޔާލު