މި ޖިސްމުގާ ވަނީ 41 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 41

“ވަޓްޓް! ވިޝާމް؟ މިއީ އެމީ އެއްނު؟ ވަޓްސް ގޮއިންގް އޮން؟” ޒަންޔާއަށްއެހުނެވެ. އޭރު ވިޝާމްގެ ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މަތިން ފައިބަމުން ދިޔައެވެ.
“މީ އަމާޔާ! ހަމަ އަމާޔާ! އަހަރެމެންގެ ދެލޮލުގެ ކޮއި ހެން ގެންގުޅުނު ފުރާނަ! ކޮބާ ބުނީމެންނު.. ހީވި ހީވުން ޔަގީން!” ވިޝާމްއަށް ރެއިލިންގައި ލައްވެގަނެވުނު އިރު ރަނގަޅައް ވެސް ރޮވިއްޖެއެވެ. އެ ކަރުނުތަކުން ވެސް ތުންފަތައް ވެރިވި ހިނިތުންވުން ފުޅާވެ ހެވެން ފެށުނެވެ. ސަދަފް ވެސް ފެންކަޅިވެގެން ދިޔައިރު ވިޝާމްގެ ގާތައް ޖެހި ކޮނޑުގައި އަތްބާއްވާލިއެވެ.
*****
ވިޝާމްއަށް ވެފައި އިންގޮތް ފެނި ޒަންޔާ ވެސް ކައިރިއަށް ޖެހި އަތުގައި ހިފާލިއެވެ. އޭރުވެސް ހޯސްލާފައި އެދެލޮލުން ކަރުނަ އަންނަމުން ދިޔަ މަންޒަރު ފެނި ޒަންޔާގެ ދެލޯ ވެސް ފެންކަޅި ވާގޮތްވިއެވެ. އެ މަދު ސިކުންތުކޮޅުގެ ތެރޭގައި ވިޝާމްގެ މޫނަށް ވަނީ ރުއިމުގެ ސަބަބުން ރަތްކަން ފާއްދާލާފައެވެ.
“އެމީއަކީ އަމާޔާއަށް ވީއިރު، އަހަންނަކަށް ނުވިސްނުނު މި ފަދަ އާއިލާއަކުން އެކުއްޖާ އެކަހަލަ ނުބައި ބައެއްގެ އަތްމައްޗަށް ދާންޖެހުނު ސަބަބެއް. އެމީހުންގެ ނުބައި ވާހަކަ ތި މީޙުންނަށް ކިޔައިދިނީމަ، ގަބޫލް ކުރެވިދާނެ މި ދައްކާ ވާހަކަ.. އެކަމަކު ކިތަންމެ ވަރަކަށް ބުނެދިނަސް، ސިފަވެސް ނުކޮށްލެވޭނެ އެގޭގަ ހޭދަވާ އެންމެ ސިކުންތެއް ވެސް.. އެއަށް ވުރެން މަރުވުން ވެސް މާ ހިތައް ފަސޭހަ.. މާކްގެ އެންމެ ފަހު ވަގުތުކޮޅުން އަހަންނަށް އިޙްސާސް ކުރެވުނު އެމީ ބަދު ނަސީބުވަރު.. މާކްއަކީ ހޫގޯގެ ދަރިއެއް ވީމަ އަނިޔާއެއް ނުކުރެ.. އެކަމަކު ވިސްނާލާ އެމީ.. މަންމައަށް މާކިން ކިޔައިދިން، އެމީ އަށް ހޫގޯމެން ވަރަށް އަނިޔާ ކުރި ވާހަކަ.. އަދިވެސް އެ ލަކުނުތައް އެމީގެ އުނަގަނޑާއި ބަނޑުގަ އެބަހުރި .. އަހަރެން ވެސް ދެކުނިން ލަކުނުތައް… އަނިޔާތައް ފަސޭހަ ވިއަސް އެ ޓްރައުމާގަ އެކުއްޖާ އެއުޅެނީ” ވިޝާމްގެ ދެލޯ ފުހެދެމުން ޒަންޔާ ވާހަކަ ދެއްކިއެވެ. އެވާހަކަތައް އިވި ކުރިއަށް ވުރެން ބޮޑަށް އޭނާއަށް ރޮވެމުން ދިޔައެވެ. ހިތުގައި އުތުރި އަރަމުންދިޔަ ހިތްތަދި ޖަޒުބާތުތަކުގެ މައްޗަށް ރުޅިވެރިކަމާއި ބަދަލު ހިފުގެ ރޫހު ވެރިވެ އެ އަސަރުތައް ގަދަވެގަތެވެ. އަމީރާއަށް އެހެން ހެދި އެއްވެސް މީހަކަށް، އޭނާ ދުނިޔޭގައި ހުރިހާ ހިނދަކު ސަލާމަތް ވެގެން ނުހުރެވޭނެއެވެ.
“ވިޝާމް ހިތްވަރުކޮށްގެން މިކަން ވާނީ.. އައިލް ހެލްޕް ޔޫ.. ލަސްނުކޮށް މި މަސައްކަތް ފަށަން ހިނގާ.. އެބުނީ ޖިނާންގެ ވާހަކަ.. އަހަންނަކަށް ވެސް ނޭނގޭ ޖިނާންއަށް އެމީ ފެނިއްޖެއްޔާ ދެން ވެގެންދާނެ ގޮތެއް.. ކުރީން ވެފަ އޮތް ގޮތުން ހިއެއް ނުވޭ އެހާ ރަނގަޅަށް އެކަން ނިމިގެން ގޮސްފާނެ ހެންނެއް” ޒަންޔާގެ ދެއަތްތިލަ ވިޝާމްގެ މޫނުމަތީގައި އަޅުވާލަމުން އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.
“ޒަން އެބުނީ ތެދެއް.. ތިއްތިބެ ތިހެން ރުއީމަ ކިހިނެތް ވާނީ.. މިހާރު އެމީ އަކީ ކާކު ކަން ވެސް އެނގުނީ.. ޑީއެންއޭ ނެތި ވެސް އެއީ މި އާއިލާގެ ލޭ ކަން ޔަގީން ވެއްޖެ.. އިޔާން ވެސް މިކަމާއި ބައިވެރި ކުރުވަން ފެންނަނީ..” ސަދަފް ގެ ހިޔާލް ހުށައެޅިއެވެ. އިރުކޮޅަކު އިނދެފައި ވިޝާމް ތެދުވެ ބޯޖަހައިލިއެވެ. ވިޝާމް ވާހަކަ ދައްކަން އުޅެފައި ވެސް މަޑުޖެހިލީ ޒަންޔާގެ ފޯނު ރިންގުވާން ފެށުމުންނެ. ސްކްރީނަށް އަރާފައިވާ ލައިލާގެ ނަން ދައްކާލުމަށްފަހު ޒަންޔާ ފޯނު ނެގިއެވެ.
“ކީކޭ މަންމާ؟” ޒަންޔާ ވާހަކަ ދައްކަމުން އެއްފަރާތަކައް ޖެހިލިއެވެ.
“މިއަދު އެމީއާއި ބައްދަލުކުރަން ވެގެން މިއުޅެނީ.. ދަރިފުޅު ބުނީމެންނު އަންނާނަމޭ.. ޑިއުޓީ ނިމިގެން އަދި ގެއަކަށް ނާންނަމޯ.. އެހެން ވީއިރު ތިތާގަ ވާނީ..ގޮވައިގެން އާދެބާ މިގޭ ކައިރީގަ މި އިންނަ ރެސްޓޯރެންޓަށް” ލައިލާގެ ވާހަކައިން ޒަންޔާ އެއްބަސްވެ ބޯޖަހައިލިއެވެ.
“މަންމަ އެގުޅީ.. އެމީ ކައިރީގަ މަންމަ ކޮންމެވެސް ވާހަކައެއް ދައްކަން ވަރަށް ދުވަހުއުޅެފި.. ކޮންމެވެސް ކަމެއް ވެގެން ބައްދަލު ނުކުރެވޭ ދުވަހަކުވެސް.. މިރޭ ފައިނަލީ މީޓު ކުރަންވެގެން.. މަންމަ ނުއެއް ބުނޭ އެހާ ބޮޑަކަށް، ބަޓް އައިނޯ އިޓްސް އެބައުޓު ހޫގޯކަން” ދެމީހުންގެ މޫނަށް ވަކިވަކީން ބަލައިލަމުން ޒަންޔާ ވާހަކަ ދެއްކިއެވެ.
“އަހަރެންވެސް ދާނަން” ވިޝާމް އެދުމުން، އިރުކޮޅަކު ވިސްނާލާފައި ޒަންޔާ ބޯޖަހައިލިއެވެ.
“އައިސް ވާނުވާ އަންގާލާތި”
ދެމީހުން ނުކުންނަން ދިއުމުން ސަދަފް ގޮވާލުމުން ބޯޖަހައިލިއެވެ.
ވިޝާމް ކާރަށް އަރަން ތިރިއަށް ފޭބުމުން ޒަންޔާ ދިޔައީ އަމީރާ ހޯދުމަށެވެ. މާބޮޑު މަސައްކަތެއް އެކަމަށް ކުރާކަށް ނުޖެހުނެވެ. މައްޗަށް އެރި ހިނދު، އަމީރާ ހުރީ ތިރިއަށް ފޭބުމަށްޓަކައި ލިފްޓު ކައިރީގައެވެ.
“ލައިލާ ދައްތަ ގުޅި ދެންމެ.. ޒަން ބަލާ އަންނާނެ އޭ ބުނެގެން ހަމަ ތިރިއަށް ފައިބަން މިދަނީ” އަމީރާ އަލުން ލިފުޓުގެ ތެރެއަށް ވަދެފައި ބިތުގައި ހުރި ބަޓްންތަކުން އެންމެ ތިރިއަށް ދިއުމަށް އިންނަ ބަޓްން އަށް ފިތާލިއެވެ.
މިއަދު އަމީރާ ފެނުމުން ޒަންޔާއަށް ވެގެންދިޔައީ ތަފާތު ގޮތެކެވެ. އެ މޫނަށް ބަލަހައްޓާއިގެން ހުރެވުނު އިރު ހީލެވުނީ ވެސް ތަފާތުކޮން ކަން ހުދު އަމިއްލަ ނަފްސަށްވެސް އިޙްސާސް ކުރެވުނެވެ. ދާދި ދެންމެއަކު ނިއުޅިގެންދިޔަ ހަގީގަތައް ފަހު ޒަންޔާގެ ހިތައް ވަނީ ތަފާތު ދިރުމެއް ލިބިފައެވެ. އަމީރާގެ ކޮންމެ ހަރަކާތަކަށް ޒަންޔާ ބަލަމުން ދިޔައީ އާދަޔާ ހިލާފު ޝައުގުވެރި ކަމަކާއި އެކުގައެވެ. އަމީރާ ހީލާ ގޮތާއި، ވާހަކަދައްކާއިރު އަތުން ކޮށްލާ އިޝާރާތްތަކެވެ. ވިޝާމް ބުނިހެން އެހުރިހާ އަދާތަކުން މާއިންއާއި ވައްތަރު ގޮތެއް އޭނާއަށް ވެސް އެވަގުތުން ފެށިގެން ފާހަގަވަމުން ދިޔައެވެ. ޒަންޔާ ނަޒަރު ދުރުކޮށްލީ އަމީރާ ވާހަކަ ދައްކަން ފެށުމުންނެވެ.
“ޔެސް، ވިޝާމް ވެސް ދާނެ” ހިތައް ވެރިވަމުން ދިޔަ ޝުއޫރުތައް މޫނާއި ހިސާބަށް ފޯރުމުގެ ކުރިން، އިސްޖަހާލަމުން ޒަންޔާ ބުނެލިއެވެ.
“އޭންން! ދައްތަ ބުންޏެއްނު ހޫގޯގެ ވާހަކައެކޭ.. ކަމަކު ނުދާނެ އެންނު.. އޭނަ ނުގެންދާނެ ޒަން.. ޕްލީޒް” ޒަންޔާގެ އަތުގައި ހިފާލަމުން އަމީރާ އެކަމާއި ދެކޮޅުވެ ދެފަރާތައް ބޯހޫރުވަން ފެށިއެވެ. ޒަންޔާ، އަމީރާގެ އަތް މަތީގައި އަމިއްލަ އަތް ބާއްވާލަމުން ވާހަކަ ދައްކަން ފެށިއެވެ.
“ޕްލީޒް އެމީ، ވިޝާމް މިރޭ ގެންދިއުން ވަރަށް މުހިއްމު.. ހީ އޯލްރެޑީ ނިއު އެމީއަށް ވެގެން ދިޔަ ހުރިހާ ގޮތެއް.. އަހަރެމެން ދެމީހުން އަލަށް މިކޮޅުން ދިމާވި ރޭ ވާހަކަ ދެއްކީމެންނު މިތާގެ ޓޭރެހުގަ.. އެރޭ އޭނައާއި އިޔާންބެ އައި އަހަރެމެން ހޯދަން.. އެކަމަކު އެމީ ވާހަކަ ދައްކާތީ ގޮވަން ނުކެރިފަ ތިބީ.. ދޭ ހަރޑް އަސް އެމީ.. އަހަރެންގެ ފުށުން އެމީއަށް އެހީވެދޭން މިހާރު ވިޝާމް ވެސް އެހެރީ.. ޑޯންޓްބީ އެފްރެއިޑް، އެމީއަށް ކިޔައިދޭން ޖެހޭ ވާހަކައެއްވެސް އެބައޮތް.. ލެޓްސް ގޯ” ޒަންޔާގެ ވާހަކަތައް ހުއްޓުނީ ލިފްޓުގެ ދޮރު ހުޅުވުމުންނެވެ.
“އެކަމަކު އިޔާން ނުބުނޭ އިވުނު ވާހަކަ ވެސް” ހައިރާން ވެ ހުރެ އަމީރާ ބުނެލިއެވެ.
“ޔާހް އެމީހުން ނުބުނެ ތިބީ އެ.. އޭގެ ފަހުން އަދި ކަންކަން އެހާ އޯކޭ ނޫން ވީމަ ކަންނޭގެ..ލެޓްސް ތިންކް ޕޮޒިޓިވް ކޮން ދޯ.. ” ޒަންޔާގެ ވާހަކައިން އަމީރާގެ ހިތައް މާ ބޮޑު ހަމަޖެހުމެއް ނުލިބުނު ނަމަވެސް ބޯޖަހައިލިއެވެ. ދެމީހުން ތިރިއަށް ފޭބިއިރު ވިޝާމް ކާރުގައި އިނެވެ.
އަމީރާ ކާރަށް އެރުމާއި އެކު އެ ސޫރަ ފެނި ވިޝާމްއަށް ހިންދިރުވާލެވުނެވެ. އިންޒާރަކާއި ނުލާ ދެލޮލަށް ބޮނޑިވި ކަރުނަތައް ހީވީ ދެންމެ ދެންމެ ކޯތާފަތް މަތިން ފައިބައިގެން ގޮސްފާނެ ހެންނެވެ. މިއަދު އާދަޔާއި ހިލާފަށް އަމީރާގެ މަޑުމޮޅިވެފައިވާ މިޒާޖުން، ވިޝާމްގެ ހިތަށް ދިޔައީ އިންތިހާއަށް އުނދަގޫވަމުންނެވެ. ވީ ނުވީއެއް ނޭނގި، އެތައް އަހަރެއް ވަންދެން ގެއްލިގެން އުޅުނު އެއްބަނޑު އެއްބަފާ ކޮއްކޮ އޭނާއާއި ފޫޓެއްހާ ދުރުމިނުގައި އިން އިރުވެސް، އެ ދެމެދުގައި ހުރަސްނުކުރެވޭ ވަރުގެ ބޮޑު ފާރެއް އަދިވެސް އެބައޮތެވެ. އެކަމުން ވާ ދެރަ އިޙްސާސް ކުރެވޭނީ ވިޝާމްއަށް ތާއެވެ. މިއީ ތަގްދީރުގެ ކޮންފަދަ ބޮޑު ސަމާސާއެއް ހެއްޔެވެ.
އަޑުން އަޑު ނަގާ، ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. “މިއީ ތިއްތިބެއޭ، އަމާޔާއޭ” ބުނަން ދޫ ހަރަކާތް ކުރި ނަމަވެސް، އަޑެއް ބޭރެއް ނުވިއެވެ. ކާރުގެ ތެރޭގައި އޮތީ މަރުފަދަ ހިމޭންކަމެކެވެ. އަމީރާ އިނީ ކާރުގެ ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ދެލޮލުން ފެންނަނީ މާޔޫސްކަމެވެ. އެ މޫނުމަތީގައިވާ މިލާފައިވާ ކުލަވަރުން ވިޝާމްގެ ހިތް ކުދިކުދިވަމުން ދިޔައެވެ. ކޮއްކޮގެ އެ ރީތި ހިނިތުންވުން ކޮބައި ހެއްޔެވެ؟ އެ މަޖާ މިޒާޖު ކޮބައި ހެއްޔެވެ؟ ހިނދުކޮޅެއްގެ ތެރޭގައި ސިކުނޑީގައި ފިލްމެއް ފަދައިން ރޯލުވެގެން ދިޔައީ ތުއްތު އަމާޔާ ގޮވައިގެން އޭނާ އުޅުނު ގޮތެވެ.
އެމީހުންނަށް މަންޒިލަށް އާދެވުނު އިރު ލައިލާއާއި ޒާހިރް، އިންތިޒާރުގައި ތިއްބެވެ. ވިޝާމް ފެނުމުން ހިސާބެއްގެ ޖެހިލުންވުމެއް ދެމީހުންގެ މޫނުމަތިން ފެނުނު ނަމަވެސް، އައުމުގެ ކުރިން ޒަންޔާ އެވާހަކަ ބުނެފައިވާތީ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ވެއިޓަރަކަށް ގޮވާލަމުން ކޮފީއަށް ޒާހިރް އޯޑަރު ދިނެވެ. ލަސްތަކެއް ނުވެ ކޮފީ ވެސް އައިސްފިއެވެ.
“ސޯ، މަންމަ ކީކޭ ކިޔަން ތިއުޅެނީ އެމީ ކައިރީގަ؟ މަންމަ ވެސް ތިއުޅެނީ، ހޫގޯގެ އިތުރުން، މާކްގެ އާ ހަބަރެއް ދޭންތަ؟” ޒަންޔާ އަހައިލިއެވެ. ވަގުތުން ލައިލާ ނޫނެކޭ ބުނެ ބޯހޫރުވާލިއެވެ.
“ނޫން، މާކްގެ އެއްވެސް ހަބަރެއް ލިއޯ ބުނި ނުވެއޭ.. އެކަމަކު ހޫގޯގެ ހަބަރެއްދޭން.. ޒަން ވެސް މަންމަ ކައިރީގަ ބުނި ވާހަކައެއް އެބަ އޮތޭ.. އަނެއްކާ މާކް ގެ ވާހަކައެއްތަ ޒަން ދައްކަން ތިއުޅެނީ؟”
“ހޫމްމް.. މާކްގެ ވާހަކައެއް.. އެކަމަކު މަންމަ އެމީއާއި ދައްކަން ތިއުޅޭ ވާޙަކައަށް ފަހު އަހަރެން ބުނާނަން” ވިޝާމްގެ މޫނަށް ކަޅިއެއް ދެމުން ޒަންޔާ ވާހަކަ ދެއްކިއެވެ. އޭނާގެ މޫނުމަތިން ވާނުވާ ނޭނގި އިން ކަހަލަ އަސަރުތަކެއް ފެނުނެވެ. ނަމަވެސް އިނީ ޝައުގުވެރިވެފައެވެ.
“އެމީ، އެމީއަށް އެގެއިން އެއްވެސް ގޮތަކަށް ނިގާބް އަޅައިގެން ހުރި މިހަކު ފެނުނުތަ؟ އެއްވެސް ގޮތަކަށް؟” ފަށަން ނުފަށަން އިން ކަހަލަ ގޮތަކަށް ލައިލާ އިނުމުން އެންމެ ފުރަތަމަ ސުވާލް އަމީރާ ކުރެން އެހީ ޒާހިރެވެ. އެއާއިއެކު އަމީރާގެ މުޅި މޫނުގެ ކުލަވަރު ބަދަލް ވެއްޖެއެވެ.
“ކިހިނެތް ވީ؟” ޖަވާބުދިނުމުގެ ބަދަލުގައި އަމީރާއަށް ވެސް ކޮށްލެވުނީ އިތުރު ސުވާލެކެވެ. އެދެމީހުންގެ މޫނުމަތީން އެކަނިވެސް، ލިބެން އެއުޅެނީ އާދައިގެ ހަބަރެއް ނޫންކަން ޔަގީނާއި ގާތައް އިޙްސާސްވެއްޖެއެވެ.
“ބުނެބަލަ ދަރިފުޅާ، ހޫގޯއާއި ބައްދަލު ކުރަން އެ ޒާތައް ހުރި އެއްވެސް މީހަކު އައިތަން ދެކުނިންތަ؟” އަމީރާގެ އަތުގައި ހިފާލަމުން ލައިލާ މިފަހަރު އަހާލިއެވެ.
“މާކް ނުކިޔާތަ، އަހަރެން އެގެއަށް ދިޔަ ގޮތުގެ ވާހަކައެއް؟” އަމީރާގެ ދެލޮލަށް ކަރުނައިގެ އަސަރު ވެރިވެއްޖެއެވެ. އެވާހަކަ ފެށުމުން ވެސް ހިތްބިރުގަތީއެވެ. އެގޭގައި އުޅުނު ހިތްދަތި ދުވަސްތައް މިނެޓެއްގެ ތެރޭގައި ރޯލްވީ އިރު މުޅި ހަށިގަނޑަށް ނުބައި ޒާތެއްގެ ފިންޏެއް ވެރިވެ ތުރުތުރު އަޅައިގަތެވެ.
“މާކް ކިޔައިދިން ވަރަށް ގިނަ ވާހަކަ.. އެކަމަކު އެކަހަލަ ޥާހަކައެއް ނުބުނޭ.. މާކްގެ ހުރިޙާ ވެސް ކަމެއް ގުޅިފަ ހުރީ އެމިއާއި.. އެމީ ސަލާމަތް ކުރަން .. މާކް ބުނެފަ އޮތީ މާކް ނެތް ދުނިޔެއެއްގައި ވެސް އެމީ ސަލާމަތް ކުރަން، ބިކޯޒް ހީ ނޯޒް ހައު ޑީޕްލީ ޕެއިންފުލް ޔުއަރ ލައިފް ވޯޒް ޑީއުރިންގް ދޯސް ޑޭސް.. ދައްތައަށް ވެސް ސިފަވޭ އެގޭ ތެރޭގަ އެމީ އުޅުނު ހިތްތަދި ދިރިއުޅުން.. އެއީ ދައްތަ ވެސް ކޮށްފަވާ ހިތްތަދި ތަޖުރިބާއެއް.. އެމީ،ދައްތަމެން އެންމެން ވެސް މިތިބީ އެމީއަށް އއެހީވާން އައިސް… ދައްތަ ދުނިޔޭގަ ހުއްޓަ އެމީހުންނަކަށް ދެން ނުކުރެވޭނެ އެމީއަކަށް އެއްވެސް ކަމެއް” މާކިންގެ ވާހަކަ ފެށި ހިސާބަކުން ނުރުއިމަށް އަމީރާ ކުރަމުން ދިޔަ މަސައްކަތް ބޭކާރުވެއްޖެއެވެ. އެސްފިޔަތަކަށް ނުކުޅަދާނަ މިންވަރަށް ޖަމާވެފައިވީ ކަރުނައިގެ ތިކިތައް ކޯތާފަތް މައްޗަށް ބަންޑުން ފަށައިފިއެވެ.
“ހުއްޓާލަ، ހިތުގަ ހުރި ކަންކަން ނުފޮރުވާ އިތުރު ބަޔަކަށް ބުނެދިނީމަ ވެސް ހިތައް ފަސޭހަވާނެ” އަމީރާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ކެތްނުވެގެން ވިޝާމްއަށް ބުނެލެވުނެވެ. ޒަންޔާ ވެސް ބޯޖަހައިލަމުން ޓިޝޫއަކުން އަމީރާގެ މޫނު ފުހެލަ ދެމުން ދިޔައެވެ.
“ވަރަށް ބައިވަރު ކަންތައް ވި.. އެންމެ ފުރަތަމަ، އަހަންނަކަށް ނޭނގޭ އަހަރެން މީ ކާކު ކަމެއް ވެސް.. އެދުވަހު ފުރަތަމަ ލޯ ހުޅުވާލީ އިރު ވެސް ހީވީ ވަރަށް ފުން ނިންޖެއްގައި ވަރަށް ދުވަހު އޮވެފަ ހޭލެވުނު ހެން.. ހަދާނެ ގޮތެއް ނޭނގި ބިރުގަތް ވަރުން ރޮވުނީހަމަ.. ދެން ބައްދަލް ކުރީ ނުވެސް ދަންނަ ބައެއް.. މުޅި ބޮލުގަ އޮތީ ބެންޑޭޖް ގަނޑެއް .. ހަށިގަނޑުގަ އެހެން ތަންތަންގާ ވެސް އޮތީ ހުސް ބޭސް މަލަން.. އެކަމަކު އެއްވެސް އެއްޗެއް ހަނދާނެއް ނެތް.. ވީ ކީއްކަމެއް އަދި އެތާގަ އޮންނަން ޖެހުނީ ކިހިނެތްވެގެން ކަމެއް ނޭނގުނު.. ހަމަ އެއްވެސް ހަނދާނެއް ނެތީ.. އެތަނަށް އައީ ކިހިނެތް ތޯ ވިސްނަން ފެށި ހިނދު ބޮލަށް ތަދުވާން ފެށީ ކެތްނުވާ މިންވަރަށް.. ހީވީ ހޭވެރިކަން ފިލާ ދާން އުޅުނުހެން.. އެގޮތުގައި ބޮލަށް ކެތް ނުވެގެން އޮއްވާ އަނބުރައިގަތީ.. ދެން އަނެއްކަ ވެސް ހޭލެވުނު އިރު މިފަހަރު ބާއްވާފައި އޮތީ ކުރިން އޮތް ތާކު ނޫން.. ހޮސްޕިޓަލްގެ ޕްރައިވެޓް ކޮޓަރިއެއްގަ އޮތީ.. އެތަނުގަ ތިބި މީހުން ވާހަކަ ދައްކަމުން ދިޔައީ ނުވެސް ދަންނަ ބޭރު ބަހަކުން.. އަހަންނަށް ވާހަކަ ދެއްކުނީ ދިވެހިން..އެމީހުން ބަލަހައްޓާއިގެން ތިބީ، އަހަންނާއި ވާހަކަ ދައްކާނެ ގޮތެއް ވެސް ނޭނގިފަ .. ދެން ވާހަކަ ދައްކަން ފެށި އިނގިރޭސިން.. އެހެންވެ އިޙްސާސް ވި މި އޮވެވުނީ ނުވެސް ދަންނަ ތަނެއްގަ ކަން.. ކޮންމެވެސް ވަރަކަށް އިނގިރޭސި އެނގޭ.. އެކަމަކު އެހާ ކުޑަވީމަ މާ ފަރިތައެއް ނޫން.. އެހެންވެ ދެން ތިބެތިބެފަ އެތަނުގަ ތިބި މީހުން ނުކުމެއްޖެ..ސޯ، ބިރުގަނެފައި އޮތްވަރުން އޭރުވެސް ފާޑަކަށް ތުރުތުރު އަޅާ.. ދެން އެހެން އޮތްވަ މީހަކު ވަދެފަ ދިވެހިން ވާހަކަ ދެއްކީ.. ސިހުނު ވަރުން އެނބުރި ބަލާލި އިރު މޫނު ބުރުގާ އަޅާފަ ހުރި މީހަކުފަހަތުގަ ހުރި” އަމީރާގެ ވާހަކަ އެހިސާބަށް ދިޔަ އިރު ޒާހިރްއާއި ލައިލާގެ ދެލޯ ވަނީ ބޮޑުވެފައެވެ. ޒަންޔާއަށް އެވާހަކަތައް އެނގޭތީ އޭނަގެ މޫނުމަތިން އެއްވެސް ހައިރާންކަމުގެ ކުލަވަރެއް ނެތެވެ. ނަމަވެސް އަލުން އެހިތްތަދި ތަޖުރިބާ އަމީރާގެ އަނގައިން ބޭރުކުރުވަން ޖެހުމުން އޭނާ އިނީ ނުހަނު ދެރަވެއެވެ.
“މޫނު ބުރުގާ އަޅާފަ ހުރި މީހެއް؟ އެމީއަށް ޔަގީންދޯ ހަމަ؟” ލައިލާގެ އަޑު އައީ ނުހަނު އުނދަގުލުންނެވެ. އަމީޜާ ބޯޖަހައިލުމުން ދެން ވީ ގޮތް ކިޔައިދިނުމަށް އޭނާ އެދެމުން ދިޔައެވެ.
“އެމީއަށް އެނގޭނެތަ އޭނާ ދެވަނަ ފަހަރަށް ފެނުނީމަ؟ މިބުނީ އަޅައިގަންނަ ކަހަލަ ކަމެއް ފެނުނުތަ؟” ޒާހިރް އެހިއެވެ.
“ކިހިނެތް އެސޫރަ ހަނދާން ނެތޭނީ.. އޭނާގެ މޫނު ނުފެންނާތީ ކާކު ކަމެއް ނޭނގުނު.. އެކަމަކު އެދެލޯ، ދުވަހަކުވެސް ނޯޅޭނެ.. ތޫނު ދެލޮލެއް ، ވަރަށް ތަފާތު ގޮތެއް ވަނީ އޭނާގެ ދެލޯ މިހާރު މިވަގުތު ސިފަވިޔަސް.. ހީވޭ ގާތް މީހެއްހެން ވެސް.. ބައްދަލްވެ އެމީހަކާއި ކުރީންވެސް ވާހަކަ ދެކެވިފަ ހުރި ކަހަލަ އިޙްސާސްއެއް ވެސް ކުރެވުނު .. އެހެންވާނެ ގޮތެއް ނުވިސްނުނަސް އެގޮތައް އިޙްސާސް ވަނީ..” އަމީރާގެ ދެލޯ ފުހެލަމުން ކިޔައިދިނެވެ.
އެހިސާބުން ލައިލާ ފެށީ ލިއޯގެ ވާހަކައެވެ. ލިއޯއަކީ ކާކުކަން ބުނެ ހޫގޯގެ ގޭގައި ލިއޯ ކުރަމުންދާ މަސައްކަތް ކިޔައިދިނެވެ. މިހާތަނަށް ހޯދުނު މައުލޫމާތު ކިޔައިދިނެވެ. ލިއޯއަށް ފެނުނު ކަމަށް ބުނާ މޫނު ބުރުގާ އެޅި އަންހެން މީހާއާއި ހޫގޯގެ ބައްދަލް ވުމުގެ ވާހަކައާއި އެދެމެދުގައި ދެކެވުނު ވާހަކަތައް އަހާފައި އަމީރާގެ ދެލޯ ބޮޑުވިއެވެ. ޒަންޔާއަށް ވެސް އެއީ އާ ހަބަރަކަށް ވާތީ އޭނާއަށް ވެސް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގި ސިހުމެއްގެ ތެރޭގައެވެ.
“ވަޓް؟ އަހަރެން އެގޭގަ އުޅުނު އިރުވެސް އައޭތަ ތިބުނަނީ؟ އަހަންނަކަށް އެގެޔަކުން ނުފެނޭ، އެކަމަކު ލިއޯ އެބުނާހެން އަހަންނަށް ބޭރުތެރެއަށް ނުކުތުން މަނާވެފަ އޮތީމަ ނޭނގޭނެ މީހަކު އަޔަސް .. މާކް އާއި އެއްކޮން ވެސް އެންމެ ތިރީ ފްލޯރ އަށް އަޔަސް ހޫގޯގެ މީހުން އަހަރެމެން މައްޗަށް ފޮނުވާލާނެ.. އެންމެ ކުޑަމިނުން ބަގީޗާއަށް ވެސް ދުވަހަކުވެސް ނުނިކުންނަން.. އެންމެ ދުވަހަކު އެގެއިން ނުކުމެ ފިލީ” އަމީރާބުނެލިއެވެ.
“ހޮސްޕިޓަލްގަ ދެން އެ މޫނު އެޅި މީހާ ކިހިނެތް ހެދީ؟” ލައިލާއެއްސެވެ.
“ބުނީ އަމީރާއަށް އެނގޭހޯ ތިއޮވެވުނީ ސްޕެއިންގެ އެމެރިކާނޯ ހޮސްޕިޓަލް ގަޔޯ.. އަހަންނަށް ކިޔަނީ އަމީރާކަން ވެސް އެނގުނީ އެހެން ބުނީމަ.. ދެން ބުނި އަހަރެންގެ އާއިލާ ވީތަނެއް ނޭނގޭއޭ، އަދި އެއިން އެއްވެސް މީހަކުވެސް ނެތޭ.. އޭނަ އަމިއްލައަށް ކިޔައިދިން ގޮތުން ވިއްޔާ، އެއީ ސްޕެއިންގަ ދިރިއުޅޭ ދިވެއްސެއް.. ހޮސްޕިޓަލްއަށް ޑޮކްޓަރަށް ދައްކަން އައިސް އުޅެނިކޮން، އަހަރެން އޮތް ރޫމް ކުރިމަތިން ހުރަސްކުރެވުނީ އިއްތިފާގުން.. އަދި ޑޮކްޓަރުން ދެއްކި ވާހަކައަކުން ޝައުގުވެރިވީ ވަރުން އައީ.. ޑޮކްޓަރުން ކިއޯ މި ރޫމްގަ އޮތް ކުއްޖަކު ތަފާތު ބަހަކުން ޥާހަކަ ދައްކާ ވާހަކަ… އޭނަ އަކީ އެތައް ގައުމަކަށް ޓްރެވެލް ކޮށްފަ ހުރި މީހަކަށް ވާތީ ތަފާތު ބަސްތައް އެނގޭކަމަށް ވެސް ބުނި.. ޑޮކްޓާރުންނާއި ސުވާލު ކޮށްލީމަ ބުންޏޯ އަހަރެންގެ ހާލަތު.. ދެން ވާހަކަ ދެއްކީ ޑޮކްޓަރާއި އޭނަ .. ޑޮކްޓަރު ކީ އެއްޗިހި އޭނާ ބުނެދިން.. އޭނާ ބުނީ، އެކްސިޑެންޓެއްވެ ކޯމާއަކަށް ގޮސް، މަހެއް ފަހުން އެދުވަހު ހޭ އެރި ވާހަކަ.. އަދި އަހަރެންގެ އާއިލާގެ ބާކީ ތިބި މެމްބަރުންނަށް އެނގޭނެޔޯ އަހަރެން އެތާގަ އޮތްކަން.. އަދި، ހޮސްޕިޓަލަށް ގެންދިޔަ ދުވަހު ކޮންމެ ވެސް އަންހެނަކު ޕާސްޕޯޓަކާއި ލިޔުމެއް ދޫކޮށްލާފަ އެ ހުރިހާ މައުލޫމާތެއް ހޮސްޕިޓަލަށް ދީފަޔޯ ދިޔައީ.. އަދި އަހަރެން ހޮސްޕިޓަލަށް ގެނައި އަންހެން މީހާ ބުންޏޯ ހޭ އެރީމަ ލިއުމުގެ ފަހަތުގަ އިން ނަމްބަރަށް ގުޅަން.. ޑޮކްޓަރުން އޯލްރެޑީ ގުޅައިފި އޭރު.. އެލިއުމުގެ ހަގީގަތް މަށައް އެނގުނީ އެވަގުތު.. އެއީ ފާޑެއްގެ އެގްރީމެންޓެއް.. މުއްދަތެއް ނެތްގޮތަކަށް އަހަރެން ވަނީ ބަޔަކަށް ކުއްޔަށް ދީފަ.. އެއީ ހޫގޯ މެންނަށް.. އެމީހުން އައިސް އަހަރެން ގޮވައިގެން އެގެޔަށް ދިޔައީ..” އަމީރާ ކިޔައިދިނެވެ. އަދި އޭގެ ފަހުން އެގޭގައި އުޅުނު ގޮތް ކިޔައިދިނެވެ. ހޫގޯގެ އަނިޔާ ވެރިކަން ފެށިގެން ނިމެންދެން ކިޔައިދިނެވެ.
އިޔާން އާއި އަމީރާ ބައްދަލްވި ގޮތް ކުރުގޮތަކަށް އަމީރާ ކިޔައިދިނެވެ. ދެމެދުގައި ހިނގިހާ ކަމެއް ނުކިޔާދިނަސް، އެހުރިހާ ކަމަކާއި ވިދިގެން އެމީހުންނަށް ކޮންމެހެން އެނގެން ޖެހޭނެ މައުލޫމާތު ހިއްސާކުރިއެވެ. އެގެއިން ފިލައިގެން ނުކުމެ ، ފަހުން ދިމާވި ކަމަކަށް ފަހު އަލުން އެގެޔަށް ދިޔަ ހިނދު ދެން ވީ ގޮތާއި ޖިނާންގެ ވާޙަކަ އަނެއްކާ ވެސް ކިޔައިދިނެވެ. ޖިނާންގެ ނަން ބުނާ ކޮންމެ ވަގުތަކު އަމީރާ ބިރުން ތެޅިގަންނަ ގޮތުން ލައިލާއާއި ޒަންޔާއަށް އެއަތުގައި ހިފާލެވެއެވެ. ޖިނާންގެ ގޮތް އެމީހުންނަށް އެނގޭތީ އެއިން އެންމެ ޖުމްލައެއް ބޭރު ކޮށްލުން ވެސް އަމީރާއަށް ވާނީ ކިހާ ދަތިކަމަކަށް ކަން އެދެމައިންނަށް އެނގެއެވެ.
“ހުރިޙާ ވެސް ކަމެއް ވީ އަހަރެންގެ ގޮތް ދޫނުކުރުމުން..މާކް ހާދަ މަސައްކަތެއް ކުރިއޭ އަހަރެން ސަލާމަތް ކުރަން.. ކިތައް އަހަރު ވަންދެން.. އެކަމަކު.. އެކަމަކު އެ ލޯލާގެ އަވައިގަ އަހަންނަށް ޖެހެވުނު ވަރުން .. ދެން އިޔާން.. އިޔާންއާއި މެދު ހިނގި މިސްއަންޑަސްޓޭންޑިންގް ގެ ސަބަބުން އަލުން އެނބުރި ހޫގޯ ގެ ގާތައް ދެވުނީ.. އެއީ ކުރެވުނު އެންމެ މޮޔަކަންތައް.. އިޔާން ވެސް ހުރީ އަހަރެން ރާއްޖެ ގެނެސްދޭން ތައްޔާރަށް… އަހަރެންގެ ބޯހަރުކަމުން ވަރަށް ކަންތައް ވެއްޖެ” އަނެއްކާ ވެސް އަމީރާއަށް ރޮވުނީއެވެ. މާކިންގެ ހިނިތުންވެފައިވީ ސޫރަ ސިފަވަމުން ދިޔަވަރަކަށް ކަރުނަތައް ކޮންޓްރޯލެއް ނުވިއެވެ. ލައިލާއަށް އިންތަނުގައި ނިދެވިގެން އައިސް އަމީރާގެ ގައިގާ ފަހަތުން ބައްދާލިއެވެ.
“އެމީ.. އިޓްސް އޯކޭ އޭ.. އެދުވަހު އިޔާ އާއި އެއްކޮން ނާދެވުނީ ވެސް ކޮންމެވެސް ހަގީގަތެއް އެނގެން.. މާކް އަށް ޖިނާންގެ ހަގީގަތް ވެސް އެނގުނީ އެމީ އަލުން އެގެޔަށް ދިޔައީމަ.. ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށޭ އަބަދުވެސް ހިތައް އަރުވަން ވާނީ.. އެމީ ވިސްނާލިއަސް އެބަ އިނގެއެއްނު ދޯ …ދެން ދައްތައަށް އެނގެއޭ އެމީއަށް ލޯލާގެ ވާހަކަ ގަބޫލް ކުރެވުނީ ކީއްވެކަން.. އެއީ މަކަރުވެރި ނުބައި އަންހެނެއް.. ހޫގޯގެ ރާއްޖެ ލޯބިވެރިއާ އާއި ލޯލާ އެއި އަހަރެންގެ ދިރިއުޅުން ހަފުސް ވެގެންދިޔައިރު، އިތުރަށް ހާލުގަ ޖެއްސި ދެމީހުން..އެހެންނަމަ މާކް އާއި ޖިނާން ގޮވައިގެން އެގޮތަކަށް ނޫން ސަލާމަތް ވެވޭނީ.. އޭގަ އެމީގެ އެއްވެސް ކުށެއް ނެތް.. ލިއޯގެ ފުށުން ވެސް އިވުނު، އެގޭގަ އުޅުނު މީހުން ބުންޏޯ އެމީއަށް ލޯލާ ބެހެއްޓި ގާތްކަން.. އެކަމަކު ލިއޯއަށް އެނގޭނެ ދޯ ލޯލާގެ ގޮތް.. ދައްތަ ކިޔައިދިނިން ވިއްޔަ”އަމީޜާގެ ބުރަކަށީގައި ފިރުމަމުން ލައިލާ ވާހަކަ ދެއްކިއެވެ. ލައިލާގެ ކޮނޑުން ބޯހިއްލާލަމުން ލައިލާގެ ވާހަކައިން ފާހަގަވި ޖުމްލަ އާއި ބެހޭގޮތުން އަމީރާ ސުޥާލް ކޮށްލިއެވެ.
“ހޫގޯގެ ރާއްޖެ ލޯބިވެރިޔާ؟”
“ހޫމް.. ވިޝާމްގެ ދައްތަ ޝާއިރާ”
“ވަޓް؟” ލައިލާކުރެން އަމީރާ އެހި ސުވާލަށް ޖަވާބުދިނީ ޒާހިރެވެ. އެ ޖަވާބުން ޒަންޔާއާއި ވިޝާމްއަށް އެކުއެކީގައި ކީކޭހޭ އެހުނެވެ. ޒަންޔާގެ ދެލޯ ބޮޑުކޮށްލައިގެން ހުރެ އިތުރަށް ކިޔައިދޭން އެދުނެވެ.
“އެއި ބޮޑެތި މީހުންގެ މެދުގައި ވެފަ އޮތް ކަމެއް.. މިހާ ހިސާބަށް ދިޔައިމަ ދަރިފުޅުމެންގެ ހިތުގަ ހުންނާނެ ވަރަށް ސުވާލް.. އެހެންވީމަ ބައްޕަ ކުރުކޮން ބުނެދޭނަން.. މަންމައަށް ވަރަށް އުނދަގޫވާނެ ތި ސުވާލަށް ޖަވާބު ދޭން..ބައްޕަ މިކިޔައިދެނީ ތިކުދިންނަށް ފަސޭހައިން ނަގައިގަނެވޭނެހެން.. ދަރިފުޅުގެ މަންމަގެ މަންމަ، ނުވަތަ ދޮންމާމަ، ސަރީފާއަކީ ރާއްޖެ މީހެއް އެކަމަކު މަންމަގެ ބައްޕަ މައިކަލްއަކީ ސްޕެއިން މީހެއް.. ސްޕެއިންގެ ކްރިސްޓިއަނެއް އެއީ.. ސަރީފާއަކީ ރާއްޖޭގެ ސަރުކާރުގަ މަތީ މަގާމެއްގަ އުޅުނު މީހެއް.. އެ ޒަމާނާއި ބަލާފަ ފުދޭވަރަކަށް ލާރި ވެސް ލިބޭ.. އެހެންވެ ޗުއްޓީ ތަކުގަ އެކުވެރިންނާއި އެއްކޮން ބައިހަދާފަ ދާނެ އެކި ގައުމުތަކައް ޗުއްޓީ ހޭދަކޮށްލަން ވެސް. އެފަހަރު ދިޔައީ އެކުވެރިންނާއި އެކު ސްޕެއިންއަށް.. އެކަމަކު މައިކަލް ފެނުނު ހިނދު އޭނައާއި ގުޅިގެން ކައިވެނި ކުރީ މިކޮޅުގަ ތިބި ފެމެލީއާއި ވެސް ސިއްރުން .. އޭގެ ފަހުން އެކޮޅުގަ އެމީހުން އުޅުނީ..ކައިވެނި ސައްހަ ނުވާނެތީ ރާއްޖެ ނާންނަން، އެކަމަކު މައިކަލް ބޭނުމެއް ނުޥޭ އިސްލާމް ވާކަށް.. ދެން ސަރީފާ ވެސް އެއީ މާ ބޮޑުކަމަކަށް ނުހަދާ.. ދީން އެކީ ދޫ ނުކޮށްލިއަސް މުސްލިމުންގެ އެއްވެސް އުޅުމެއް ސަރީފަގެ ނުހުންނާނެ.. ދެން ލައިލާ ލިބުނީ… ލައިލާ އާއި ހޫގޯ ދިމާވީ .. ހޫގޯއަކީ ވެސް މުސްލިމުންނަށް ނަފްރަތު ކުރާ މީހެއް.. ދެން ވެގެން ދިޔަ ހުރިހާ ގޮތެއް ބައްޕަ ނެތިން ކިޔައިދޭކަށް.. ޒަން ބޭނުން ވަންޏާ މަންމަ ކުރެން ވަކިން އެހިޔަސް އެންމެ ރަނގަޅު.. ދެން ވަރަށް ގިނަ ކަންކަން ވި.. މަންމައަކީ ސަރީފާގެ އިދިކޮޅު.” ޒާހިރްއަށް ވެސް އެއީ ދައްކަން ފަސޭހަ ވާހަކައަކަށް ނުވިއެވެ. ބަލައިލެވުނީ ލައިލާގެ މޫނަށެވެ.
“ނޫނޭ ޒާހިރް.. އެކުދިންނަށް އެބަ ބުނެދޭން ޖެހޭ ކޮންމެވެސް ވަރަކަށް.. ޝާއިރާއަކީ ވިޝާމްގެ ދައްތައަށް ވާއިރު ހިތުގައި ނުތަވަސްކަން މިހާރު އުފެދޭނެ ނުބުންޏަސް.. “ލައިލާ ބުނެލިއެވެ. ތުންފަތުގައި ދައިގަނެގެން އިނދެވެސް ޒާހިރް ބޯޖަހައިލިއެވެ.
“ސަރީފާގެ އަޅާލުން ނުލިބި ލައިލާ ބޮޑުވީ .. އެހެންކަމުން އިސްލާމް ދީނުގެ ގިނަ އިލްމު އޭރު ނެތް ލިބިފައެއް.. އެކަމަކު އިސްލާމް ދީން ދެކެ ލޯބިވޭ .. ސަރީފާގެ އެހީއެއް ނުލިބި ނަމާދުކުރަން ވެސް ދަސްކުރީ.. ދެން ހޫގޯ އާއި ދިމާވީ ކޮލެޖު ދުވަސްވަރު…އެކަމަކު މިބުނާހެން ހޫގޯއަކީ މުސްލިމުން ދެކެ ނަފްރަތު ކުރާ މީހެއް.. އޭރު ހޫގޯ ވަރަށް ރަނގަޅު ލައިލާއަށް.. މީހުންނަށް ވެސް ހެޔޮކޮން އުޅުނީ..އެހެންވެ، ހޫގޯ ދެކެ ލައިލާ ވީ ލޯބިން، އުއްމީދުކޮށްގެން ހުރީ ކައިވެނީގެ ފަހުން ހޫގޯއަށް އިސްލާމް ދީން ގަބޫލްކުރެވި ދީނާއިމެދު ދެކޭ ގޮތް ރަނގަޅުވާނެ ކަމަށް.. އެކަމަކު ކަންތައް ވި އެހެނެއް ނޫން.. ކައިވެންޏަށް ދެމަސް ވީތަނާ ޖިނާންއަށް ޕްރެގްކަން އެނގިއްޖެ.. އެކަމަކު އޭރު ފެނިގެންދަނި މުޅިން ތަފާތު ހޫގޯއެއް.. ރުޅި އަންނަ ކޮންމެ ފަހަރަކު މަދުމަދުން އަނިޔާކޮށް ރޮއްވާ ބަޥާލާ ހަދާ.. މިކަމުގެ ސަބަބުން އަޅުކަން ކޮށް އުޅެން ޖެހެނީ ވެސް ސިއްރުން. އެ ރުޅިވެރިކަމުގައި ހުއްޓާ ލައިލާއަކީ މުސްލިމެއްކަން އެނގުނީމަ އަނިޔާ ކޮށްފާނެތީ.. ބަނޑުބޮޑު ވީމަ ލައިލާ ބޭނުމެއް ނުވި އެކަން އެނގޭކަށް.. ސަބަބަކީ ބަނޑުގައޮތް ދަރިފުޅަށް ގޮތެއް ހަދާފާނެތީ.. ޕްރެގް ވީމަ ވިއްޔަ ހޫގޯގެ އަސްލު ދައްކާލީ.. ދެން ކައިވެނި ކުރެވުނީން ސުރެން ހިތުގަ ބިރުވެރިކަން އުފެދިފަ ހުރީ، އެކައިވެނީގެ ސައްހަކަމާއި މެދު ވިސްނިފަ.. އެހެން މުސްލިމްކަން ފޮރުވައިގެން އުޅޭކަށް ލައިލާ ބޭނުމެއް ނުވި..” ޒާހިރް ވާހަކަ މެދު ކަނޑަލަމުން ލައިލާއަށް ބަލައިލިއެވެ. އުނދަގޫވެ އިނދެވެސް ލައިލާ ބޯޖަހައިލީ ކުރިއަށް ގެންދާށޭ ބުނެފައެވެ.
” އެހެން ހުއްޓަ ދެން ހޫގޯ ގެންދިޔައީ އަސްލު އޭނާގެ ގެއަށް .. އެއީ އެމީ ތި އުޅުނު ކާސާ ސިއެލާ… އޭގެ ކުރިން ލައިލާ ގޮވައިގެން ހޫގޯ އުޅުނީ ވަކިން ހުންނަ ކުޑައެޕާޓްމެންޓްއެއްގަ… އެދުވަހު ހޫގޯގެ އަނދިރި ފަރާތް ވެސް ހާމަވީ.. އެމީއަށް އެނގޭނު ހޫގޯގެ ވިޔަފާރި.. އެހުރިޙާ ކަމެއް އެދުވަހު ލައިލާއަށް އެނގުނީ.. އެގެއިން ބައްދަލް ވި ހޫގޯގެ މައިންބަފައިންނާއި ވެސް .. އެއީ ކިރިޔާ ވެސް ހަމަޖެހުމެއް ލައިލާއަށް ލިބުނު ކަމަކީ.. އެދެމީހުން ރަނގަޅު.. އެމީހުންވެސް ރުޅިއާދޭ ހޫގޯ ދެކެ.. އޭނާގެ ނުބައި އުޅުން އެއީ މި އުޑު ދަށުގަ ދައްކަން ހެޔޮވާވަރުގެ ވާޙަކަތަކެއްނޫން .. ޖިނާން ވިހޭ ހިސާބުން އޭނާ އަދި ރަނގަޅަށް ލައިލާއަށް އަނިޔާ ކުރަންފެށީ.. ލައިލާއަށް އޮންނަނީ އެހެން ފަންގިފިލާ ތަކަށް ދިއުން މަނާ ކޮށްފަ އެމީހުން އުޅޭ ބައި ދެން ހޫގޯގެ މައިންބަފައިން އުޅޭ ބަޔަށް އެރެނީ.. ހޫގޯގެ ނުބައިކަމުން އެމީހުން ބޭނުމެއް ނުވި އެގޭގަ އުޅޭކަށް.. އެމީހުން އެންމެ ފަހުން ދިޔައީ.. ދެން އަންނަން ފެށީ އެގެޔަށް ހޫގޯގެ ރައްޖޭގެ އެކުވެރިން… އެއީ ޒައީމްއާއި ޝާއިރާ.. އެހިސާބުން އަސްލު ބޮޑަށް ގޯސްވީ.. އެމީހުން އައިސް ފެށި ލައިލާއަށް ޖެއްސުން ކުރަން .. ޝާއިރާ ކަންތައް މާ ނުބައި.. ޖިނާންއަށް ދިހަ އަހަރުވެގެން ދިޔައީ ވެސް އެ އަނިޔާ ތަކުގަ އެގޭގަ އެމީހުންގެ ކައިރީގަ އުޅެނިކޮން.. ދެން ލޯލާ އައީ.. ލޯލާއާއި ޝާއިރާ ވެގެން ދިޔައީ އެކައްޗަކަށް … އޭރު މާކިން އަށް ލައިލާ ޕްރެގް.. ޝާއިރާ އެގެޔަށް ދޭ ޒައީމް އާއި ނުލާ ވެސް.. ހޫގޯއާއި ދެމީހުން ދެން ރޫމްއަށް ވަދެ އެކުރާ ކަމެއް އެމީހުންނަށް އެނގޭނީ.. އެހުރިހާ ކަމެއް ހިނގަމުން ދިޔައީ ލައިލާގެ ކުރިމަތީގަ. ދެރަވާނެ ދޯ އެކަމަކު ހޫގޯ ދެކެ ބިރުން އެއްޗެއް ނުބުނެ. އެކަނިން ރޮއެ ހިތާމަ ކުރީ..އެހެން އުޅެނިކޮން މާކިން ވެސް ލިބިއްޖެ.. ބޮޑުވަމުން އައި އިރު މާކިންގެ ކުރިމަތީގަ ވެސް ލައިލާއަށް އަނިޔާ ކުރޭ.. އެކުއްޖާ ރޯން އިންދަ ވެސް.. ލޯލާ ކޮންމެ ދުވަހަކު އެހާ ޖެއްސުން ކުރޭ.. އަނެއްކޮޅުން، ހޫގޯއާއި ލޯލާއާއި ގޭގެ އެހެން ކޮޓަރިއަކަށް ދަންވަރަށް ވަންނަކަން ވެސް އެނގުނު.. އެހުރިހާ ކަމަކާއި އެންމެ ފަހަރަކު ދެރަވެގެން ޝަކުވާކުރީ.. ހަށިގަނޑުން ލޭ ކޮށާލި އެދުވަހުވެސް ތަޅަމުން ގޮސް.. އެހެން ހުއްޓަ އެއްދުވަހަކު މާކިން ދުވަނިކޮން ސިޑީން ވެއްޓިގެން ހޮސްޕިޓަލަށް ނުދެވި ހުރީ.. ހޫގޯ އޮންނަނީ ގެއިން ނުކުތުން މަނާ ކޮށްފަ .. ހޫގޯއާއި ޝާއިރާ ރޫމަށް ވަތް ގޮތަށް އަތްގަޑި އިރު ވީ އިރުވެސް ނުނުކުމަތް.. ފަހުން މާކް ގޮވައިގެން ލައިލާ ހޮސްޕިޓަލަށް ދިޔައީ ގޭގަ ގެންގުޅޭ މީހަކާއި އެއްކޮން.. އެދުވަހު ދައްކާ ނިމިގެން އެނބުރި ގެއަށް އައިތަނާ ބޭރަށް ނުކުތްކަން އެނގިގެން އަނިޔާ ކުރަން ފެށީމަ ލައިލާ ބުނިހާ ވެސް އެއްޗަކީ ޝާއިރާއާއި އެކު ކޮޓަރީގަ އުޅޭތީ ގޮވަން ނުކެރުނީ ކަމަށް އަދި މާކް ވެއްޓިގެން އަނިޔާވެގެންނޭ ދިޔައީ އެކަމަކު އެދުވަހު ވެސް އެހާ ވަރުކުރި.. އެވެސް ޝާއިރާ ކައިރީގަ ހުއްޓަ.. އެދުވަހު އޮޅުމަކުން ލައިލާއަށް ވާހަކަ ދެއްކުނީ ދިވެހިން.. ހޫގޯއަށް ވެސް ދިވެހި އެނގޭ.. އެތައް އަހަރެއް ފަހުން ޝާއިރާއަށް ލައިލާއަކީ ރާއްޖެ މީހެއްކަން އެނގުނު ދުވަހު އެއީ އެގޭގަ ލައިލާ ހޭދަ ކުރި އެންމެ ވޭންދެނިވި ދުވަސް..” ޒާހިރް މެދުކަނޑާޅާއިފައި އަނެއްކާ ވެސް ފެށިއެވެ.
” ލައިލާ ވާހަކަ ދައްކާ އުޅެނީ ސްޕެއިން ބަހުން… ލިބިފަ ހުރީ ސްޕެއިންގެ ބައްޕަގެ ސިފަ.. ރާއްޖެ މީހަކާއި އެއްގޮތަކަށް ވެސް ވައްތަރެއް ނޫން..އެހެންވެ ޝައްކެއްވެފަ ވެސް ޝާއިރާއަށް ނެތް ކުރިން.. ހޫގޯވެސް ނުބުނޭ.. އޭނާއަކީ މުސްލިމެއްކަން ހޫގޯ ކައިރީގަ ޝާއިރާ ބުނީ.. އެކަމަކު ހޫގޯ ހުރީ ގަބޫލް ނުކުރަން.. ލައިލާ ވަގަށް ނަމާދު ކޮށް ހަދާތީ އެކަން ނޭނގި އޮތީ… ޝާއިޜާ އެހެން ބުނި ހިސާބުން ފާރަލާން ފެށީ.. އެރޭ ފަތިސް ނަމާދަށް ލައިލާ އެރީ، އޭނާ އާންމުކޮން ނަމާދު ކުރާ ކުޑަ ގުދަން ގަނޑު ތެރޭގަ.. ނިމުނު ހިނދު ފަހަތުން އައިސް ނަމާދު ދޮޅީގަ ހިފާ ދަމައިގަނެ އެތަނުގަ އަނިޔާ ކުރި.. ވަރިކޮށްފަ ގެއިން ނެރުނީ.. ދެދަރިން ގޮވައިގެން އެތަނުގައި އުޅޭ އެކުވެރިއެއް ކައިރިއަށް ދިޔައީ.. އެއީ ލިއޯގެ މަންމަ.. އޭނާގެ ކައިރިން އެހީ ހޯދައިގެން ރާއްޖެ އައީ .. ދެން އައިސް ހުރީ ލައިލާގެ މަންމަގެ އާއިލާ ގާތުގަ..” ޒާހިރް އެވާހަކަ ކިޔައިދިން ހިނދު ޒަންޔާއަށް ރޮވުނެވެ. ލައިލާގެ ހިތްވަރަށް ހިތުގެ ފުން މިނުން ތައުރީފް ކުރެވުނެވެ. އަމީރާއަށް ވެސް ރޮވުނެވެ. އެކަން ކަން އެނގުނު ހިނދު އޭނާގެ ކުރީގެ ހާލަތު މާބޮޑަށް ހަނދާންވާ ގޮތް ވިއެވެ. ހޫގޯގެ ފުށުން ލިބުނު އަނިޔާތައް ރަނގަޅުވެފައިވީ ނަމަވެސް އަދިވެސް އެ ލަކުނުތައް ހަށިގަނޑުގެ އެކި ހިސާބުތަކުގައި އެބަހުއްޓެވެ. ލައިލާގެ ވާހަކަ ޒާހިރް ކިޔައިދިން ހިނދު ހީވީ އޭނާގެ ހަށިގަނޑަށް މީހުން ދިން އަނިޔާތައް އަލުން އެހަށިގަނޑަށް އިޙްސާސްވެގެން ދިޔަ ހެންނެވެ.
“ޒަން ކޮން ވާހަކައެއް ދައްކަން ތިއައީ؟” ވިޝާމް އަހައިލީ އެކަނި ޒަންޔާއަށް އިވޭ ވަރަށެވެ.
“ކުރީ ރޭ ޝާއިރާ ފޯނުން ދެއްކި ވާހަކަ.. ޑޯންޓްވޮރީ ދެންމެގެ އެއްވެސް ވާހަކައެއް ނުކިޔާނަން” އަމީރާއަށް ބަލައިލަމުން، ޒަންޔާ ވެސް ވާހަކަ ދެއްކީ ވިޝާމްގެ ކަންފަތައް ކިރިޔާ ފޯރާ ވަރަށެވެ. ހިތްހަމަޖެހިފައި ހުރެ ވިޝާމް ބޯޖަހައިލިއެވެ. މޭޒު ދޮށުން އަތް ގެންގޮސް ޒަންޔާގެ އަތުގައި ވިޝާމް ހިފާލުމުން އޭނާއަށް ހީލެވުނެވެ. ޒަންޔާ ދައްކަން އައި ވާހަކައާއި ބެހޭގޮތުން ލައިލާ ސުވާލު ކޮށްލީވެސް އެހެން ތިއްބައެވެ.
“އެމީ، އަހަންނަށް ހީވަނީ އެދުވަހު ހޫގޯ ނޫނީ ޖިނާން ޖެހި ޝޮޓް މާކްގެ ގަޔަށް އެރީހެން”
ކަރުނުން ފުރިފައިވާ ދެލޮލާއެކު އޭނާއަށް ގޮނޑިން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. ކަޅިޖަހާނުލައި، ބޮޑުކޮށްފައިވާ ދެލޮލުން ޒަންޔާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ، އިވުނު ވާހަކަ ގަބޫލުކުރަން ދަތިވެފައިވާ ހާލެއްގައެވެ. ކައިރީގައި ހުރި ލައިލާގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމާއި ބިރުވެރިކަމުގެ އަސަރުތަކެވެ.
ޒަންޔާ ކިޔައިދޭން ފެށީ އެރޭ ހާދިސާއެވެ. ޝާއިރާ ފޯނުން ދެއްކި ވާހަކައެވެ. ޖިނާން އަންނަ ހަބަރު ސިއްރުކޮށް މާކިންގެ ވާޙަކަ ބުނެލީ މަސްލަހަތައް ބަލާފައިއެވެ. އަމީރާގެ ހާލަތު އެހާ ބޮޑަށް ގޯސްވެފައި ވަނިކޮން ޖިނާން އަންނަ ހަބަރު ދީފި ނަމަ އެކުއްޖާއަށް ވާނެގޮތެއް ވެސް ނޭނގެއެވެ. އެހެން ބުނާކަށް ޒަންޔާއަކަށް ނުވެސް ކެރުނެވެ.
އަމީރާގެ ހާލަކީތޯއެވެ. ކަންފަތަށް އިވުނު ބަސްތަކުން މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. މާކިން ދުނިޔޭގައި އޮތްކަމުގެ އުފާވެރި ޚަބަރާއި، ހޮސްޕިޓަލުގެ އެނދުގައި ފުރާނައާއި ހަނގުރާމަ ކުރާ ޚަބަރު އެލިބުނީ އެކުއެކީގައެވެ. މެޔަށް އެރި ތޫނު ރިހުމާއެކު ދިލައެއް ނަގަން ފެށިއެވެ. މާކިން ހޮސްޕިޓަލުގައި އެއޮތީ އިއްޔެއަކު އަކު މިއަދަކު ނޫންކަން އޭނާއަށް މީހަކު އިތުރަށް ބުނެދޭކަށް ނުޖެހުނެވެ. އަމީރާ ރާއްޖެ އައިތާ ހަފްތާއެއް ފަހުން، ހޫގޯގެ ގެއަށް ގޮސްގެން މާކިންގެ ހަބަރު ލިއޯ ބަލަމުން ދާކަން ލައިލާ ބުނީ އިރުކޮޅެއް ކުރިންނެވެ. ރާއްޖެ އައި ފަހުން ވެސް އަހަރެއް ވީއެވެ. އެހެންވީމަ ލިއޯ އެކަމުގައި އުޅޭތާ ވެސް އަހަރެއް ވަނީއެވެ. ހިތް ހީވީ ހިނދުކޮޅަކަށް ނަމަވެސް ހުއްޓިގެން ދިޔަ ހެންނެވެ. އަޅަންފެށި ތުރުތުރުން ކޮޅަށް ހުންނާނެ ވަރުވެސް ހަށިން ހުސްވާހެން ހީވަމުން ދިޔައެވެ.
އެހަބާރައި އެކު، އަމީރާގެ ސިކުނޑި ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. އެތަނުގައި ތިބި އެއްވެސް މީހެއްގެ މޫނަށް ބަލާލާނެ ހިތްވަރެއް އޭނާގެ ނެތެވެ. ކުށްވެރިކަމުގެ އިހުސާސުން މުޅި ނަފްސު ވަށާލިއެވެ. މާކިންގެ މި ހާލަތުގެ ޒިންމާ ނަގަންޖެހޭނީ އޭނާކަން ޔަގީނެވެ. އަމީރާގެ ސަލާމަތަށްޓަކައި މާކިން އެވީ މަތިވެރި ގުރުބާނީގެ ބަދަލުގައި ކޮށްދެވުނީ ކޮންކަމެއް ހެއްޔެވެ؟ ހިތުގެ އަޑިން އުފެދުނު ގިސްލުން ކޮންޓްރޯލެއް ނުކުރެވުނެވެ. އެންމެންގެ ކުރިމަތީގައި އިތުރަށް މަޑުކުރާނެ ހިތްވަރު އެއްކޮށް ހުސްވެއްޖެއެވެ.
ބޮލުގައި އުފެދިފައިވާ ގަދަ ރިހުމާއިއެކު، އަމީރާގެ ސިކުނޑި ސުމަކަށް ގޮސްފިއެވެ. ހަތަރު މީހުން ގޮވަގޮވައި ތިއްބާ، އެތަނުން އޭނާއަށް ނުކުމެވުނު ގޮތެއް ވެސް ނޭނގުނެވެ. މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައިރު، ބޭރަށް ނުކުމެވުމާއެކު ބައްދަލުކުރީ ވެހެމުންދިޔަ ބޯ ވާރެއާއެވެ. އެ ވާރޭގެ ތިކިތައް ވެސް ހީވަނީ އަމީރާގެ ހިތާމައިގައި ބައިވެރިވެ، އޭނާއާއިއެކު ކަރުނަ އޮއްސަމުންދާ ހެންނެވެ. މަގުމަތީގައި ދުއްވަމުންދިޔަ އުޅަނދުފަހަރުގެ އަލިތަކާއި އަޑުތަކުން ސިކުނޑީގައި ހިފާލާފައިވީ ވޭން ގަދަވިއެވެ. ހިނގައިގަނެވުނީ ފައިދަށަށް ބަލައިގެންނެއް ނޫނެވެ. ދެފައި ބިމުގައި ރަނގަޅަކަށް ހަރެއް ނުލައެވެ. ދެފަރާތަށް ކިރެމުން، ވަރުދެރަ ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ދިޔައިރު، ވާރެއިން ސަލާމަތް ވުމަށް ފިހާރަތަކާއި އިމާރާތްތަކުގެ ހިޔަލަށް ވަދެ ތިބި މީހުންނަށް، ތެމި ފޯވެގެން ހުރި ކުއްޖާ ފެނި، ހިޔަލަކަށް ވަންނަން އެދި ގޮވަމުން ދިޔައެވެ. ނަމަވެސް އޭނާ ހުރީ އެއިން ކަމަކަށް ސަމާލުކަމެއް ދެވޭ ފަދަ ހާލަތެއްގައި ނޫނެވެ.
“އާހްހްހްހް” އަމީރާގެ އަނގައިން ބޭރުވީ ވޭނީ އާހެކެވެ. ކަންފަތުގައި ގުގުމަމުން ދިޔައީ ހޫގޯގެ ގޭގެ ގޭޓު ލެއްޕުނު ވަގުތު އިވުނު ބަޑީގެ އަޑެވެ. ދެލޯ މަރާ ތަގުޅިކޮށްލަމުން، ދެކަންފަތުގައި ބާރަށް އަތްއަޅައިގެން ހުރެ، މަގުގެ ޕޭމަންޓް މައްޗަށް އޭނާ ތިރިވެވުނެވެ.
‘އައި ވިލް ނެވަރ ލީވް ޔޫ’
ލޯލާގެ ހަގީގަތް ހާމަވީ ރޭ އަމީރާ ރޯންފެށުމުން މާކިން ބުނެލި ޖުމްލަ ސިކުނޑީގައި ހަރުލައިގެން ދިޔައެވެ. ތެދެކެވެ. އެ ޖުމްލައިގެ މަތީގައި، މާކިން އެންމެ ފަހު ސިކުންތުކޮޅާއި ހަމައަށް ވެސް ސާބިތުކަމާއި އެކު ހުއްޓެވެ. ނަމަވެސް އެ ބަހުގައި އޭނާއަށް ސާބިތުވެވި ހުރެވުނު ހެއްޔެވެ. ގޭޓު ލެއްޕުމާއި ހަމައަށް މާކިން މަސައްކަތް ކުރީ އަމީރާ ރައްކާތެރި ކުރުމަށެވެ.

އަމީރާ ހޯދުމަށް ހަތަރު މީހުން ވާރޭގެ ތެރެއަށް ނުކުމެތް އިރު އެއްވެސް ހިލަމެއް ނުވިއެވެ. ހަތަރު މީހުން ހަތަރު ފަރާތައް މިސްރާބު ޖެހި އިރު އިއްތިފާގުން ވިޝާމްއަށް އާދެވުނީ އަމީރާ އައި މަގުންނެވެ. ޕޭމަންޓް މަތީގައި ގިސްލާ ރޯން އިން ގޮތް ފެނި ހިތް ފަޅައިގެން ދާވަރުވިއެވެ. ވިޝާމްގެ ހިތްވެސް ހީވީ ރޯލިހެންނެވެ.
ފޯނު ނަގާ ގަމީހުގެ ނުތެމި އިންތަންކޮޅުން ޑިސްޕްލޭ ފުހެލާފައި ޒަންޔާގެ ފޯނަށް ގުޅިއެވެ. އަމީރާ ފެނުނު ވާހަކަ ބުނެ އެދުނީ ޒާހިރްމެންނާއި އެކު ގެއަށް ދިއުމަށެވެ. އޭނާ އަމީރާ ގެންގޮސްދޭނެ ކަމަށް ބުނެ ފޯނު ކަނޑާލިއެވެ. ކެރި ބޯކުރަމުން ދިޔަ ހިނދު ވެސް ފަހަތައް ނުޖެހި ވިޝާމް މަޑުކޮށްލީ އޭނާގެ ފުރަގަހުގައެވެ. އެދެކޮނޑުގައި ހިފާ ކޮޅަށް ނެގިއެވެ. ގަޔާއި ލަފާލި އިރު ހަށިގަނޑުގެ ފިނިކަމުން ހީވީ އެތައް އިރަކު އައިސްތަކެއްގެ ތެރޭގައި އޮވެފައި ތެދުވަތް ހެންނެވެ. އެހާ ވެސް ފިންޏެވެ. އަމީރާ ގޮވައިގެން ކާރާއި ހަމައަށް ގޮސް ކާރަށް އެރުވިއެވެ. އޭސީ ނިއްވާލާފައި ވިޝާމް ދިއްކޮށްލީ ތުވާއްޔެކެވެ. އޭގައި ހިފަން ވެސް އަމީރާއަށް ނޭނގުނެވެ. ރަތްވެ ދުޅަވެފައިވާ ދެލޮލުން ކަރުނައިގެ ކޯވަރުތައް މެދުނުކެނޑި ބަންޑުންވަމުން ދިޔައެވެ. އެންމެ ފަހުން ތުވާލި ނަގާ އަމީރާގެ ގައިގާ ވިޝާމް އޮޅާލަ ދިނެވެ.
” ދީސް ފީލް ސޯ ޕެއިންފުލް..” އެކަރުނަތަކާއި އަމީރާގެ ހާލަތުން ވިޝާމްއަށް ކެތްވަނީ އެއްނޫނެވެ. ހީވަނީ ހަށިގަނޑުގެ އެއްބައިގިރެމުން ދިޔަހެންނެވެ. އެ އަންހެންކުއްޖާ ގެނެސް މޭގެ ތެރޭގައި ފޮރުވާލާ ދުނިޔޭގެ ހުރިހާ އުފަލެއް ހޯދައިދޭން ހިތް ތެޅިފޮޅެމުން ދިޔައެވެ. އެއިން އެންމެ ކަރުނަ ތިއްކަކީ ވެސް އޭނާގެ ހިތައް ޒަހަރެވެ. ހީވަނީ ކޮށި ވަޅިއަކުންމުޅި ހަށިގަނޑު ތޮރުފަން މަސައްކަތް ކުރަމުންދާހެންނެވެ. އަމިއްލަ ދެލޮލުގެ ތެތްކަން ހިންދާލަން ވިޝާމް ތުންފަތުގައި ދަތްއަޅުވާލީ ނުހަނު ބާރަށެވެ.
ދިޔަ މަގުމަތީގައި އިޔާންއަށް މެސެޖަކުން ކުރުގޮތަކަށް އަމީރާގެ ހާލަތު އަންގާލަ ދިނެވެ. ވިއްސާރައިގެ ސަބަބުން ގެއާއި ހަމައަށް ފޯރީވެސް ފުދޭވަރަކަށް އިރުންނެވެ.
ލައިލާ ހަބަރު ދިނުމާއި އެކު ދޮރުމަތީގައި އިޔާންގެ އިތުރުން މަޖުދާއާއި ނަދީމް ވެސް އިންތިޒާރުގައި ތިއްބެވެ. ތެމި ފޯވެފައި ހުރެ އިސްތަށިގަނޑު ރަނގަޅު ކުރަމުން އަމީރާ އިންފަޅީގެ ކާރުގެ ދޮރުފަތް ވިޝާމް ހުޅުވާލަ ދޭން އުޅުނެވެ. ނަމަވެސް ހުއްޓިލަން މަޖުބޫރުވީ އޭނާގެ އަތުގައި އަމީރާ ހިފެހެއްޓުމުންނެވެ.
“ދިސް ސްޓޭސް ވިތް ޔޫ، އޯކޭ؟ އިޔާންއަށް އެނގޭކަށް ބޭނުމެއް ނޫން.. އެނގޭދޯ ގޭގަ މިހާރު ހިނގައިގެން އުޅޭ ކަންތައް” އަމީރާ ބުނެލީ އެހާވަރަށެވެ. ކަރުނުން ބަޜާވެފައިވާ ދެލޮލަކުން ވިޝާމްގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެ އާދޭހާއި ބުނެލިގޮތުން ދެކޮޅު ހަދާނެ ހިތްވަރެއް ވިޝާމްއަކަށް ނުކުރެވުނެވެ. ވިޝާމް އެންމެ ފަހުން ބޯޖަހައިލިއެވެ. ނަމަވެސް އަމީރާގެ ސޫރަ ފެނުމުން، ވެގެން ދިޔަ ގޮތް ނާހާ އިޔާން އިޔާން ނުހުންނާނެކަން އެވަގުތުވެސް ޔަގީންވެއެވެ.
އަމީރާ ކާރުން ފޭބި ހިނދު އިސްތަށިގަނޑު އެއްފަރާތް ކޮށްފައިވާ ގޮތުން ކަންފަތް ދޮށުގައި އިން ލަފު ނުހަނު ރީތިކޮން ފެންނަން އިނެވެ. ވިޝާމްއަށް ބެލުނު އަދަދެއް ވެސް ނޭނގުނެވެ. ވާރެގެ ސަބަބުން ނޫން ނަމަ، އޭނާގެ ދެލޮލުން ފޭބި ކަރުނަތައް އިޔާންއަށް ފެނުނީހެވެ. އޭނާގެ ކަޅި އެ މަންޒަރުން ދުރުކުރަން ހަނދާންވީ މަޖުދާގެ އައިސް ބައްދާލުމުން އަނެއްކާ ވެސް އަމީރާ ރޯންފެށުމުންނެވެ. ތެމެން ފެށުމުން ބޭރުގައި މަޑުނުކޮށް މަޖުދާ އެތެރެއަށް ވަނީ އަމީރާ ގޮވައިގެންނެވެ.
އަމީރާގެ ފަހަތުން އިޔާން ދާން އުޅެފައި ވެސް ވިޝާމް ގޮވާލުމުން މަޑުޖެހިލިއެވެ.
“ކިހިނެތްތަ މި ވީ؟ ކަމެއް ވީތަ؟ އެމީ ތިގެޔަށް ދިޔައީތަ؟ ތިގޭ މީހަކު ފެނުނީތަ؟ “އިޔާންގެ އެތައް ސުވާލެއް އައެވެ. އެއީ ވެގެންދާނެ ގޮތް ކަން މާކުރިން ލަފާކޮށްލެވުނެވެ. އެއިން ކޮންމެ ސުވާލަކާއި އެކު ވިޝާމްއަށް ބަލައިލެވުނީ ތަފާތުގޮތަކަށެވެ.
“އިޔާ ޑޫ ޔޫ ހޭވް އެނީތިންގް ޓު ސޭ.. އެބައުޓް ދޯސް ކުއެޝަންސް؟” ވިޝާމްއަށް ނުހުރެވިގެން އެހުނެވެ.
“ތިއީ މިވަގުތަށް މުހިއްމު ވާހަކައެއް ނޫން .. އަހަރެން ބޭނުން އެމީއަށް ވީ ގޮތް އެނގެން.. ބުރޯ ކިޔައިދީބަ.. ހިއެއްނުވޭ މަ ކިތަންމެ ވަރަކަށް އެހިޔަސް އެމީ މަށާއި ވާހަކަ ދައްކާނެ ހެންނެއް ”
“އައި ރިއަލީ ކޭންޓް މިގަޑީގަ.. ޒަން އެބަހުރި ރެސްޓޯރެންޓްގެ ކައިރީގަ.. ވަރަށް އަވަހަށް އެބަ ޖެހޭ ދާން.. ބަލާ ވިއްސާރަ ވެސް ބޯކަން ވާވަރު” ޒާހިރްއާއި ލައިލާއާއި އެކު ޒަންޔާ ގެއަށް ދިޔަ ކަން އެނގުނު ނަމަވެސް އަމީރާ ބުނިހެން ވިޝާމް ކަންތައް ކޮށްދިނެވެ. އިޔާންއަށް އެއްޗެއް ނުބުނެވެނީސް ދުވެލާފައި ކާރަށް އަރަން ދިޔައެވެ.
ހިތްހަމަނުޖެހުނު ނަމަވެސް ވިޝާމްއަށް ގޮވާކަށް އިޔާން ނޫޅުނެވެ. މި ވިއްސާރައިގާ ބޭރުގައި ޒަންޔާ އެކަނި ހުރި ވާހަކަ ބުނުމުން ވިޝާމްގެ ހާލަތުވެސް އިޔާން އަށް ވިސްނުނެވެ. ގޭ އެތެރެއަށް ވަދެ، ލިފްޓަށް އަރައިގެން ގޮސް ވަނީ މަޖުދާގެ ބަޔަށެވެ. އަމީރާ ވާހަކަ ދައްކާނެ ކަމުގެ ޔަގީންކަން ނެތް ނަމަވެސް އިޔާން ބޭނުންވީ ވީ އެންމެ އަވަހަކަށް ވާހަކަ ދެއްކުމަށެވެ. ނޫނީ ހިތައް ހަމަޖެހުމެއް ނުލިބޭނެއެވެ.ވިޝާމް މެސެޖުން ވެސް ހަމައެކަނި ބުނެލީ އަމީރާ ކަމަކާއި ވަރަށް ބޮޑަށް ދެރަވެ ރޯ ވާހަކައެވެ. މަޖުދާއަށް ލައިލާ ގުޅާފައިވެސް ބުނީ އެހެންނެވެ. އެހެންކަމުން ވީ ގޮތެއް އެނގުނު އެކަކުވެސް ގެއަކު ނެތެވެ.
އިޔާން ވަތްއިރު ސޯފާގައި ނަދީމް އިން އިރު މަޖުދާ ފެންނާކަށް ނެތެވެ. މީރާންއާއި ނީޝަން ވެސް ކަންބޮޑުވެފައި ސޯފާތަކުގައި ތިއްބެވެ.
“ދޮންބޭ ، ކިހިނެތް ވީ؟” އިޔާން ފެނުމުން މީރާން ސޯފާއިން ތެދުވެ އަހައިލިއިވެ. އިޔާންއަށް ވުރެން ކުރީން ނަދީމް ވާހަކަ ދައްކަން ފެށިއެވެ.
“ނޭނގޭ ދަރިފުޅާ.. ލައިލާ ދައްތަ ގުޅާފައި މަންމަ ކައިރީގަ ބުނީ އެމީ ވަރަށް ސަކަރާތް ވެފަ ހުރި ވާހަކަ.. ވަރަށް ރޯ ވާހަކަ ބުނީ.. އެހެންވެ ހާސްވެގެން ބައްޕަމެން ވެސް މި ނުކުތީ.. ” ނަދީމް ވެސް އިނީ ނުހަނު ކަންބޮޑުވެފައެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ އެކޮޓަރިން މަޖުދާ އެނބުރި ނުކުންނާނެ އިރަކަށެވެ. އަމީރާއަށް ވީ ގޮތެއް ވެސް އެނގޭނީ އޭރުންނެވެ.
“އިރޫ އެބައުޅޭތަ؟” އިޔާން އަހައިލުމުން ނަދީމް ބޯޖަހައިލިއެވެ. ނަދީމްއަށް އޭނާއާއި އަމީރާގެ ގުޅުން ނޭނގޭތީ އިރުކޮޅަކު ވިސްނާލަން ހުރެފައި އިޔާން އެކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ނަދީމްގެ ހިތުގައި ސުވާލު އުފެދޭނެ ކަން ވެސް އެނގެއެވެ. އެހެނަސް އެކަމަކަށް އޭނާގެ ފަރުވާލެއް ނެތެވެ. އިޔާން އެކޮޓަރިއަށް ވަނެވެ. އަމީރާ އެނދުގައި އޮށޯވެ އޮތް އިރު އިރަމްއާއި މަޖުދާ ތިބީ ކޮޓަރީގެ ތެރެއިން ބޭރަށް ނުކުމެވޭހެން އިން ކުޑަ ބެލްކޮނީ ކޮޅުގައެވެ. ދެމީހުން ހަމަހިމޭން ކަމާއި އެކު ތިބިއިރު ނަޒަރު ހުރި އަމީރާއަށެވެ. އެ ނަޒަރުތަކުގައި ވަނީ ހަމްދަރްދީއެވެ. އިޔާން ފެނުމުން މަޖުދާ ކޮޓަރި ތެރެއަށް ވަނެވެ.
“އެމީ ރެސްޓް ކޮށްލަން ބޭއްވީ މި.. އެހާ ބޮޑަށް އެ ވާހަކަ ނާހަމާ.. މާދަމާ މަންމަ ވާހަކަ ދައްކާނަން” މަޖުދާ ބުނެލީ އިޔާންއަށް އިވޭ ވަރަށެވެ. އިޔާން ބޯޖަހައިލިއެވެ. އިޔާން މަޑުކޮށްލަން ބޭނުންވެފައި ހުރިހެން ހީވީ ކަންނޭގެއެވެ. އަމީރާގެ ގައިމަތީގައި އަޅާފައިވާ ކުއިލްޓް ރަނގަޅު ކޮށްލަދީފައި މަޖުދާ ނުކުތެވެ. އޭނާގެ ފަހަތުން އިރަމްވެސް ދިޔައެވެ.
ދޮރުޖެހުނު އަޑުއަޙާފައި އިޔާން އިށީންދެލީ އެނދުގެ މަގަތުގައެވެ. އަމީރާގެ އަނގައިން ބޭރުވަމުން ދިޔަ ގިސްލުމުގެ އަޑުވެސް އިޔާންއަށް އިވިލީ އެވަގުތުއެވެ. ތުންފަތުގައި ދަތްއަޅުވާލެވުނެވެ. އަމީރާގެ ހާލަތާއި ބެހޭގޮތުން އިޔާން ސުވާލު ކުރަން އައި ނަމަވެސް، އޭނާ އެވާހަކަ އަހާނީ ކޮން ހައިސިއްޔަތަކުން ބާއޭ ހިތާހިތާ ސުވާލުކޮށްލެވުނެވެ. ގެޔަށް ޔަނާލްއައި ހިސާބުން އަދި އެގޭގައި ޔަނާލް ބަހައްޓަން އިޔާން އެއްބަސް ވި ހިސާބުން އަމީރާއަށް ވެފައިވާ ގޮތް ހިތާއި ސިކުނޑި އިޔާންއަށް ހަނދާންކޮށްދޭން ފެށުމުން ބާރަށް ދެލޯ މަރާލެވުނެވެ. އަމީރާ ރޮމުންދާ ސަބަބު އަހާ އޮޅުން ފިލުވާ އެ ހިތާމަތައް ފިލުވައިދޭން އިޔާން އައި ނަމަވެސް ހުދު އިޔާންގެ ފުށުން އަމީރާއަށް ތަހައްމަލު ކުރަން ޖެހިފައިވާ ކަންތައްތަކުގެ ސަބަބުން، އަމިއްލަ މަޖުބޫރީގެ ތެރެއިން ވެސް ކުށްވެރިކަމުގެ އިޙްސާސް ނުހަނު ބޮޑަށް ކުރެވެމުންދިޔައެވެ.
ވަގުތުގެ ސާޢަތްތައް ހިނގަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިމޭންކަމެއްގެ ތެރޭގައެވެ. ކޮޓަރީގެ ތެރޭގައި ހަމައެކަނި ހަރުލާފައިވި އަޑަކީ އަމީރާގެ އެހިމޭން ހިތްދަތި ގިސްލުމުގެ އަޑެވެ. އެތައް އިރަކު، ކެތްތެރިކަމެއް ނެތް ހިތަކާއެކު އިންތިޒާރުގައި އިނުމަށްފަހު، އިޔާންގެ އަތްތިލަ އަމީރާގެ އުނަގަނޑުގައި ބާއްވާލީ އޯގާތެރިކަމާ އެކުގައެވެ. އެގޮތުގައި އޮވެ ހިތާމައިގެ ކަނޑަކަށް ގެނބެމުންދާ މަންޒަރު ބަލަން އިޔާންގެ ހިތަށް ކެތްނުވީއެވެ. ނަމަވެސް، އިޔާންގެ އަތް ބީހުމާއެކު، އަމީރާ ކުއްލިއެއް ޖަހާލާފައި އެ އަތް ފޮޅުވާލިއެވެ. އުނދަގޫވި ނަމަވެސް، އެ ރުޅި އެއީ އޭނާގެ މައްޗަށް ހައްގު ޝަޒާކަން ގަބޫލު ކުރެވުނެވެ. އެގޮތުގައި އިރުކޮޅަކު އިނދެ ދެވަނަ ފަހަރަށް ވެސް އިޔާން އަތް އަޅުވާލީ އަމީރާގެ އުނަގަނޑުގައެވެ. ނަމަވެސް މިފަހަރު ވެސް ކުރިއަށް ވުރެން ބާރަށް ފޮޅުވާލީއެވެ.
ތިންވަނަ ފަހަރަށް އިޔާން، އަމީރާގެ އުނަގަނޑުގައި ހިފެހެއްޓިގޮތައް ލުއި ފަތްކޮޅެއްހެން ހިއްލާލިއެވެ. އަދި ރީތިކޮން ގެނެސް އޭނާގެ އުނގުމަތީގައި ބައިންދާލިއެވެ. އޭރުވެސް އަމީރާއަށް ދިޔައީ ރޮވެމުންނެވެ. ދޮންމޫނަށް ފަނޑުރަތްކަމެއް ވެރިވެފައިވީ އިރު ދިގު އެސްފިޔަތަކުގައިވެސް ނުފިލާ ތެތް ކަމެއް ވިއެވެ. އެ މަންޒަރު ފެނި، އިޔާންގެ އަނގައިން ބޭއިޙްތިޔާރުގައި ވޭނީ އާހެއްގެ އަޑު ބޭރުކޮށްލެވުނެވެ.
“ލެޓްސް ޓޯކް އެމީ” އަމީރާގެ އަތް ނަގާ އިޔާންގެ ދެއަތުގެ ތެރެއަށް ލައްވާލަމުން ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ފެނުނީ އިޔާންގެ ދެކޮނޑުގައި އަތް އަޅުވާލާއި ދުރައް ޖެހުމުން އުނގުން ތެދުވަތް މަންޒަރެވެ.
“ކު..ޑް ޔޫ ޕް..ޕްލީޒް ލީވް މީ އެލޯ..ންން؟” އޭރުވެސް ރޮވެމުން ދާތީ އަމީރާއަށް ވާހަކަ ދެއްކުނީ ވެސް ހުއްޓެމުން ކަހަލަ ގޮތަކަށެވެ.
“ނޫން، އެމީ ޕްލީޒް” އަމީރާއާއި ގާތައް ޖެހިލަމުން އިޔާން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އަމީރާ ހުރަސް އެޅިއެވެ. ދެފަރާތައް ބޯހޫރުވާލަމުން، އިޔާންގެ ކުރިމަތީގައި ހުންނަން ވެސް ބޭނުން ނުވާތީ ނުކުމެލީ ބެލްކޮންޏަށެވެ. އިޔާން ފަހަތުން އައިސް އަމީރާގެ ގައިގާ ބައްދާލިއެވެ.
“ދޫކޮށްލާ!” އަމީރާގެ އަޑު ބާރެވެ. ނަމަވެސް ބެލްކޮނީގެ ދޮރު ޖެހިފައި ހުރުމުން އެއަޑު ހަރުލާފައި ހުރީ އެތަނުގައެވެ. އިޔާންގެ އަތް ފޮޅުވާލާފައި އެދެމެދަށް އަތް ހުރަސް ކޮށްލީ އަނެއްކާ ވެސް އިޔާން ގާތް ވާން ފެށުމުންނެވެ. އޭރު އިޔާންގެ ދެލޮލަށް ޖަމާވަމުން އައި ކަރުނަތައް ސާފްކޮން އަމީރާއަށް ފެނުނެވެ. ނަމަވެސް މޫނު އަނބުރާލީ ދުރަށެވެ.
” އަމިއްލައަށް ހަމެޖެހެން މަސައްކަތް ކުރާވަރަކުން ކައިރިއަށް ތި އަންނަނީ އަހަރެން ދުނިޔެއިން މޮޔަކޮށްލަންތަ؟ ކުރީގެ އަންހެންނުން އިޔާން ފެންނަ ފަށު ކައިރީގައި ބެހެއްޓި ހިސާބުން އަހަރެން މަސައްކަތް ފަށައިފިން އިޔާންއާއި ދުރުވާން! އިޓްސް އޯވަރ ބިޓްވީން އަސް! އަހަރެން ކިތަންމެ ބޮޑު ކަމަކާއި ސަފާރ ކުރަމުން ދިޔަސް އެއީ އިޔާންއާއި ބެހެވޭނެ ކަމެއް ނޫން!” އަމީރާގެ ތުރުތުރު އެކުލެވިފައިވާ އަޑު ވައިގެ ތެރޭގައި ހިފާލިއިރު އިޔާންއަށް އަވަސް އަވަހަށް ދެފާރަތައް ބޯހޫރުވާލެވުނެވެ.
“ނޫން އެމީ، ޖަސްޓް ލިސަން..”
“ނޫނޭ.. ކުރީ ފަހަރު ހުރިހާ ކަމެއް އަހަރެންގެ ބޮލަށް ޖަހާލިހެން މިފަހަރުވެސް އިޔާން ޖަހާލާނަން ދޯ އަހަރެންގެ ބޮލަށް! ބުނަންތަ ވާޙަކައެއް އަހަންނަށް ވެސް ކެތްވާނީ ވަކި ވަރަކަށް.. އައި ކޭންޓް ޑޫ ދިސް އިޔާން.. އައި ކޭންޓް!” ގިސްލެވެމުން ދިޔައިރު އަމީރާގެ އަޑުވެސް ނުކުތީ ތުރުތުރުލަމުންނެވެ. އެހާ ބޮޑަށް ދެރަވެފައި ވަނިކޮން އިޔާން ފެނުމާއި އެކު އޭނާގެ ހިތުގައި ބޮނޑިކޮށްފައިވާ ޝަކުވާތައް ވެސް ދުލަށް ގެނެވުނީއެވެ. ކިތަންމެ ކެތްތެރިވެގެން ހުންނަން މަސައްކަތް ކުރި ނަމަވެސް، ގިނަފަހަރަށް އިންޒާރަކާއި ނުލާ ތަގްދީރު ކުޅެލާ ސަމާސާތަކުން ވެގެންދަނީ ހިތައް ވެސް ނާރުވާ ގޮތެކެވެ. އިޔާންގެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައިރު އަދިވެސް މަސައްކަތް ކުރަމުން ދިޔައީ އަމީރާއާއި ވާހަކަ ދެއްކޭތޯއެވެ.
“އައި ނޯ ކަމަކާއި ދެރަވެފަ ހުރީމަ ކަން ތިހެން ތިވާހަކަ ދައްކަނީ.. ޕްލީޒް ހިނގާ ކާމްވެލަން.. ހަމަޖެހިލައިގެން ޥާހަކަ ދައްކާނީ”
“ހަމަޖެހިލައިގެންނޭ؟ އިޔާން މޮޔަވީތަ؟ އާން ކަމަކާއި ދެރަވެފަ މިހުރީ، ވަރަށް ދެރަވެފަ..އެކަމަކު ވެސް އަމިއްލަ ހާލަތު އޮޅޭހާ ބޮޑަކަށް ނޫން.. އިޔާން ހީކުރަނީ ދޯ ކޮންމެ ފަހަރަކު ކަމެއް ވީމަ ހަމަ ދޫކޮށްލައިގެން އަހަރެން ޖެހޭނީ ހުންނާށޭ.. ނޫނޭ! ނޫން އިޔާން !.. އައި ކޭންޓް.. ޔަނާލް މިގެޔަށް ގެނައި ހިސާބުން އަހަރެން އުއްމީދު ކަނޑާލައިފިން .. އޭނަ މިގޭގަ ނުބެހެއްޓި ނަމަވެސް ރީއްކޮއާއި އޭނަ ވާހަކަ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުނީސް! އެންމެ ފަހަރަކުވެސް މަށައް ވާނެ ގޮތަކާއި ދޭތެރޭގަ ވިސްނާލިންތަ ! އިޔާންގެ ހުރިޙާ ވިސްނުމެއް ގުޅުނީ އޭނައާއި! އޭނަ ހިތުގަ ޖެހިދާނެތީ އެކަމާއި އިޔާން ވިސްނީ! ދެން މިއަދު ކީއްކުރަން އައިސް ތިހުރީ، ބޭނުމެއްނޫން ތި ފޭކް ކައިންޑްނެސްއެއް.. މިގޭގަ އިޔާންގެ އާއިލާގެ ބޯހިޔާވަހިކަމުގެ ދަށުގައި ހުންނާތީ އިޔާން ބޭނުން ވަނީ ދޯ މަގޭ މުޅި ލައިފްއާއި ކުޅެލަން!”
“ނޫން އެމީ! ޖަސްޓް ސްޓޮޕް އިޓް އެމީ! ތިކަހަލަ އެއްޗިހި ނުކިޔާ.” އިޔާންގެ އަޑުގައި ވަނީ އާދޭހުގެ އަސަރެވެ. ލޮލުން ފައިބަމުން ދިޔަ ފެންތައް ފުހެލަން ވެސް ނޫޅެވި އިޔާންއަށް އަމީރާގެ ދެކޮނޑުގައި ހިފަހައްޓާލެވުނެވެ.
” މިކަހަލަ ހުރިހާ ސިޗްއޭޝަނެއްގަ އަހަރެން ވެސް ބޭނުންވިއޭ އިޔާންގެ ގާތުގަ ހުރެ ރޯލަން..ތިއުނގުގައި ބޯއަޅާލައިގެން އޮވެ ހުރިހާ ވާހަކައެއް ޝެއަރކޮށް ޖެހޭ ހުރިހާ ކަމެއްގަ އިޔާންގެ އެހީ ހޯދަން ހާދަ ބޭނުންވިއޭ…ތިލޯބިވެސް ހާދަ ބޭނުން ވިއޭ.. އުއްމީދުކުރީ މުޅި ހަޔާތް އެކީގައި ވޭތުކުރަން.. އެކަމައްޓަކައި ހާދަ ހުވަފެނެއް ވެސް ދެކުނީމޭ.. ބަޓް ނައު، އައި ވިޝް އައި ނެވަރ މެޓް ޔޫ.. އިޓްސް އޯވަރ!”
ހިތް ކުދިކުދި ވެފައިވާ ފަދައަކުން ރޮމުން ރޮމުން އަމީރާއަށް ތިރިވެވުނެވެ. ހުރިހާ ހިތާމައެއްގެ އިޙްސާސް އެއް ވަގުތަކު ކުރަން ޖެހުނު އިރު މުޅި ހަށީގަނޑު ވަނީ އިންތިހާއަށް ބަލިކަށިވެފައެވެ. އެ ވޭނީ ރުއިމުގެ އަޑުން އެކަނިވެސް، ހިތަށް ލިބިފައިވާ ފުން ޒަހަމްތަކުގެ ފުންމިން އިހްސާސް ކުރެވެއެވެ. އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލައިގެން، ފިނި ޓައިލްސް މަތީގައި އިށީނދެގެން އިންއިރު، އެ ހިތްދަތި ކަންކަމާ ކުރިމަތިލާން ނުޖެހި މަރުގެ ހިޔަނި އައިސް އޭނާ ވަށާލި ނަމައޭ ހިތަށް އަރަމުން ދިޔައީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. ބޭރުން ވެހެމުންދިޔަ ބޯ ވާރޭގެ ހަމަހިމޭން އަޑާއި އަމީރާގެ ހިތްކަފާލާ ފަދަ ގިސްލުމުގެ އަޑު މަސްހުނިވަމުން ދިޔައިރު، އޮހެމުންދިޔަ ކޮންމެ ވާރޭ ތިއްކަކީ އޭނާގެ ހިތުގެ ރިހުމަށް ދެވޭ ހިތްދަތި ހެކިބަހެއް ފަދައެވެ.
*****
(ނުނިމޭ)

8 ހިޔާލު

  1. Kiwi
    22:48 ⁧⁦13/4/2026⁩⁩

    Dhen arghh. Emy deserves so much better🫠

  2. Zz
    08:27 ⁧⁦14/4/2026⁩⁩

    Urghh. Why Iyan ? Whyyyy

  3. Alara
    08:31 ⁧⁦14/4/2026⁩⁩

    Whyyy
    Whyyy
    In this case iyan ge feeling ves understand vey
    Reekko ge asku mamma veema and e ais huri badhalu thakun u have to arrange that

    But hurihaa kamakun ves u r suffering
    Dhen hury emy

    Aaaaahhhhj i feeel her tooo
    I feel so bad
    Don’t breakup guyzzz😩😩😭😭
    Fav so far
    Keep up the good work

  4. Meeheh
    08:53 ⁧⁦14/4/2026⁩⁩

    Mi part thankolheh dhigu kohlinama.. BTW vrh reethi mi part ves …next part kon dhuvahakun kiyaalan libeyny?? Can’t wait…thankolheh avahah next part upload kohladhyba 🤭🤩

  5. Mango
    11:46 ⁧⁦14/4/2026⁩⁩

    Alhey dhen vaagoy kiyaalan beynumeh vvv reethi

  6. Akm
    13:05 ⁧⁦15/4/2026⁩⁩

    Aaaaahhh when next part avhah upkohlla dhehchey

  7. Anonymous
    13:57 ⁧⁦15/4/2026⁩⁩

    can’t wait

  8. Anonymous
    12:49 ⁧⁦16/4/2026⁩⁩

    when are you going to upload the next chapter.

ކިޔުންތެރިންގެ ހިޔާލު