މި ޖިސްމުގާ ވަނީ 40 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 40

ހިކި އަނަރޫފަވެފައި ވީއިރު ހަށިގަނޑުގައި ވާހާ ކަށިތައް ހުރަހެއް ނެތި ހެނދުން މަތިން އެނގެން ހުއްޓެވެ. މޫނުމަތިން ވެސް ދަމާލާފައި ހުރިއިރު ދެކޯ ވަނީ ވަޅުވަދެފައެވެ. ހީވަނީ ހިމަހޯލިކޮޅެއް ހެންނެވެ. ހެދުން ވެސް އަޅާފައި ހުރީ ނުހަނު ސާދާކޮންނެވެ. ފަހުރެއްކަމުގައި ދެކި ކުލަ ޖައްސައިގެން ގެންގުޅުނު ދިގު އިސްތަށިގަނޑު އޮތީ ކޮނޑާއި ހަމައަށް ކޮށާފައި ކަޅުކުލައަށް ބަދަލުކޮށްފައެވެ. ޔަނާލްގެ މޫނުމަތިން ބަލިފާޑު ޖަހައެވެ. ނަމަވެސް އެއިން އެއްވެސްކަމަކަށް އިޔާން ނުވިސްނިއެވެ. ރުޅިގަދަވެގެން ގޮސް ކަތުރު ކަށިގަނޑަށް ވާންވެ ކަރުގައިވީހާ ނާރުތަކެއް ފުއްޕާލިއެވެ. އެ ސޫރަ ފެނުމުން އޭނާ ބޭނުންވީ ނޮޅާލާށެވެ. ސިފަވެގެން ދިޔައީ ރީއާއަށް އޭނަ ކޮށްފައިވާ އަނިޔާތަކެވެ. އެއްޗެއް ނުބުނެ ހުއްޓައި ސިހުނީ ޔަނާލް ދުވެލާފައި އައި ގޮތައް އިޔާންގެ ގައިގާ ބައްދާލުމުންނެވެ.
އަދި އިޔާންގެ މޭގައި ބޯއަޅައިގެން ހުރެ ބާރަށް ރޯންފެށިއެވެ. އެ ގިސްލުމުގެ އަޑުން މުޅި ގޭތެރެ ގުގުމައިގެން ދިޔައެވެ.
****
ކުއްލިއަކަށް ޔަނާލް އެފަދަ ކަމެއް ކުރުމުން، ހުއްޓުން އަރާފައި ހުރި އިޔާންއަށް ހޭވެރިކަން ވިއެވެ. އޭނާގެ އަތުގައި ހިފާ ދުރަށް ފޮޅާލިއެވެ. ހީވީ ހަށިގަނޑުގައި ނުބައި ނަޖިހެއް ޖެހިގެން ފިލުވާލިހެންނެވެ. ރޮމުން ރޮމުން ދެވަނަ ފަހަރަށް ޔަނާލް ގާތައް އަންނަން ފެށުމުން އެދެމެދަށް އިޔާން އަތް ހުރަސް ކޮށްލިއެވެ. އަދި މުޅި ތަން ގުނޑައިގެންދާހާ ބާރަށް ހަޅޭއްލައިގަތެވެ. އޭރު އެ މޫނުމަތީގައިވާ ރަތްކަމުން އެކަނިވެސް ޖެހިލުންވާހާ ވެއެވެ.
” ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ގޮސް ރީއްކޮއަށް އަނިޔާ ކުރިކަމަށް އިއުތިރާފުވާނީތަ؟ ނޫނީ އަހަރެން ގުޅަން ވީތަ އެމީހުންނަށް؟ އެހެން ނޫނީ ގެންގޮސްދޭންވީތަ ސްޓޭޝަނަށް؟” އިޔާންއަށް ދަތްކުޑި ވިކާލެވުނު އިރު ދެލޮލުން ހީވީ އަލިފާން ކަނި ބުރައިގަންހެންނެވެ. އެހެން ހުރެވެސް ދޮރުކައިރީގައި އިރަމްގެ ފަހަތުގައި މަޑޫކޮށްގެން ހުރި އަމީރާ ފެނި ބަލައިލެވުނެވެ. ދެލޮލުން ކަރުނު ފެނުނު އިރު ނުރުއިމަށް އަމީރާ ކުރަމުން ދިޔަ ހިތްވަރު ފެނި އެންމެންގެ ކުރިމަތީގައި ވެސް ގެނެސް ގަޔާލާ ބޮނޑިކޮށްލައި، އެ ހިތަށް ތަސައްލީއެއް ހޯދައިދޭން އިޔާން އިންތިހާއަށް ބޭނުންވިއެވެ. އެހެނަސް ހާލަތު އެކަމަކަށް ތަނެއް ނުދިނެވެ. ޔަނާލްއާއި ކުރިމަތިލާން ބޭނުންވެފައިވީ ވަރުން އިޔާންއަކަށް އިތުރު އެހެން ކަމަކާއި އެވަގުތު ވިސްނައި ވެސް ނުލެވުނެވެ.
“އިޔާން، ދައްކާ ވާހަކަ އަޑު އަހާ ބަ-”
“ކޮން ވާހަކަ އެއްތަ ދައްކަން އޮތީ؟ ތިއީ މަށައް އެއްވެސް މުހިއްމު މީހެއް ނޫނޭ! ހަމީދު ކުޑަތަ ކަލޭ ވާހަކަ ދައްކަން!” ޔަނާލްގެ ވާހަކަ މެދު ކަނޑާލިއިރު އިޔާން ގެ އަޑު ބާރުވަމުން ދިޔައެވެ.
“ދަރިފުޅާ .. އެއީ ކާފަ އ-”
“ބައްޕާ މަށައް އެއީ ކާކުކަން ބުނެދޭން އުޅޭނެ ކަމެއް ނެތް.. މިތާގަ މިތިބަ އެންމެންގެ ތެރެއިން އެކަކަށް ވެސް އޮޅިފަ އެއް ނޯންނާނެ މި ހަމީދު މަށައް ޖެއްސި ހާލެއް.. މިހިރީ މަށައް އޭނަ ކުރިމަތި ކުރުވި މުސީބާތް!” ޔަނާލްއަށް އިޝާރާތް ކުރަމުން އިޔާން ހަޅޭއްލަވައިގަތެވެ. ނަދީމްއަށް ވެސް ދުރު ބަލައިލެވުނީ އިޔާންގެ އެޖުމްލަތަކާއި ވިއްދާފައި އޭނާއަށް ބުނެވޭނެ އެއްޗެއް ނެތުމުންނެވެ. އެތައް އަހަރެއް ފަހުން ހަމީދު މިރޭ ގުޅާފައި ބައްދަލު ކުރަން އެދުމުން ވެސް އެއީ ރަނގަޅު ކަމަކު ނޫން ކަން ނަދީމް ދެނެގަތެވެ. އޭނާ ހީކޮށްގެން ހީކުރީ އިޔާންއަށް ހެދިހެން އިރަމްގެ ކައިވެނި ކުރުވަން ބާރު އަޅަން އޭނާ އުޅެނީކަމުގައެވެ. ނަމަވެސް އިޔާން ބުނިހެން ހަމީދު އެއައީ ގެއަށް މުސީބާތެއް ހިފައިގެންނެވެ. މިފަދަ ކަމަކަށް ނަދީމް ކުޑަކޮން ވެސް އުއްމީދެއް ނުކުރެއެވެ. އެހާ ފަސޭހައިން ނަދީމަށް އާންބަސް ބުނެވުނީ ވެސް ހުރި ހަމައެކަނި ދަރިއަށް ވެފައި އުފަން ބައްޕައާއި ހީނަރުވެފައި އޮތް ގުޅުން ރަނގަޅު ކުރުމަށް ބޭނުންވެފައި ހުރިވަރުންނެވެ.
ނަމަވެސް ހަމީދުގެ ވިސްނުން އަދިވެސް ގޯހެވެ. މުސްކުޅިވެ، ހަށިގަނޑުން ބާރުދޫވެފައިވާ ދުވަހުވެސް، އޭނާ އަދިވެސް އެ މަސައްކަތް ކުރަނީ އާއިލާގެ ތެރެއަށް އިތުރު ހަމަނުޖެހުން ވައްދައި ފިތުނަ އުފެއްދުމަށެވެ. ނަދީމުގެ ހިތުގައި އެތައް ހާސް ޝަކުވާއެއް އުތުރިއަރަމުން ދިޔަ ނަމަވެސް، އިހުސާސްތައް ބޭރުކޮށްލާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އޭނާއަށް ހުރެވުނީ އެއްޗެއް ބުނެވޭނެ ފަދަ ނަފްސާނީ ހާލަތެއްގައެއް ނޫނެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމެވެ.
“އިޔާން ފުރަތަމަ އަޑުއަހާބަލަ.. ރީއްކޮ ކައިރީގަ ހަޔާޓުގެ އެންމެ ފަހު ދުވަސްތައް ވޭތުކޮށްލަން ބޭނުމޭ ޔަނާލް ބުނެ ކާފަ ކައިރީގަ ކުރި އާދޭހަށޭ އޭނަ މިގެނައީ.” މަސްރަހު ގޯސްވެފައިވީވަރުން ހަމީދު އެންމެފަހުން ބުނެލިއެވެ. ހަމީދުގެ އެވާޙަކައިން ސިހުނީ ނަދީމްއާއި މަޖުދާއެވެ. އިޔާންގެ މޫނަކަށް ކުޑަވެސް ބަދަލެއް ނައެވެ. އިރުކޮޅަކު ހުރެފައި އިޔާން ވެރިކުރުވީ މަލާމާތުގެ އަސަރެވެ.
“މާދަމާ މަރުވާން ވީތަ! މަރުވެބަލަ ، އޭރުން މަ ހާދަ ބޮލަށް ފަސޭހަ ވާނެއޭ! އަނެއްކާ އޭރުން ރީއްކޮއަކަށް ތި ސިފަ އެއް، ދުވަހަކު ވެސް ނުފެންނާނެ! މަ ބޭނުމެއްނޫން ޔަނާލްގެ ތި ވިހަ އަނގައިން ރީއްކޮއަށް އެންމެ ފަހަރަކުވެސް ގޮވާލާ އަޑު އިއްވާކަށް.. ބުނަން ހަމީދު ވާހަކައެއް! ކަލެއަކަށް ނޯންނާނެ މަ ދިރިއުޅުމުގަ މި ހިނގާ އެއްވެސް ކަމަކާއި ބާރު ފޯރުވޭނެ ހައްގެއް.. މިބުނީ ރީއާ މުހައްމަދު އިޔާން އެއީ ކަލެއާއި ބެހޭ އަދި ކަލޭގެ އެއްވެސް ހައްގެއް އޮތް ފަރާތެއް ނޫނޭ! އަޑުއިވިއްޖެތަ! ” އިޔާންގެ ދެލޮލުން ފެނިގެންދާ އަސަރުތަކުން ހަމީދުގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އެންމެ ލޯބިވި ކާފަ ދަރިފުޅުގެ ފަރާތުން އެއީ އޭނާ އުއްމީދު ކުރި ކަންކަމެއް ނޫނެވެ. ދެލޯ ފުހެލަމުން އިޔާން އާއި ކުރިމަތިލީ އެ ނަފްރަތު ހައްގުކަމަށް ވިސްނިގެންނެވެ. އެކަމަކު އެވަގުތު ހަމީދު އެކަމެއް ނުދެއްކިއެވެ. އޭނާ އުޅުނީ ޔަނާލްއާއި ގެންނެވެ.
“އެނގެއޭ މަށައް ކުރެވުނީ މާފު ހައްގު ވާވަރު ކަމެއް ނޫންކަން.. މިއައީ އެވާހަކަ ދައްކާކަށް ނޫނޭ.. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވޭނެ ދަރިފުޅާ.. ޔަނާލް ގަބޫލު ކުރޭ ކުރެވުނީ އަދަބު ލިބެން ޖެހޭ ވަރުގެ ކުށެއްކަން..”
“އާން، އެހެން ވީ އިރު ސްޓޭޝަނަށް ގުޅަނީ މި ފުލުހުން ގެންނަން” މިފަހަރުވެސް ހަމީދުގެ ވާހަކަ މެދު ކަނޑާލަމުން އިޔާން ދެން އުޅުނީ ފޯނު ނަގާފައި ފުލުހަށް ގުޅާށެވެ. ނަމަވެސް ނަދީމް ގާތްވެ ފޯނު އަތުލުމަށްފަހު އިޔާންއާއި ކުރިމަތިލިއެވެ.
“ބައްޕަ ދުވަހަކު ވެސް ނުބުނާނަން އޭނައަށް މާފު ކުރާށެކޭ.. ބައްޕައަށް އެނގޭ ދަރިފުޅު އުޅުނު ހާލު…އެކަމަކު ވެސް މި ދައްކާ ވާހަކަ އަޑުއަހާބަލަ.. ޔަނާލްއަށް ހުރީ އެޗް.އައި.ވީ ޖެހިފަ..” ނަދީމް ދައްކަންފެށި ވާހަކައަކުން މިފަހަރު އިޔާންއަށް ބަލައިލެވިއްޖެއެވެ. ސަމާލުކަން ނުދޭން އުޅުނު ނަމަވެސް، ނަދީމްގެ ވާޙަކަ އޭނާގެ ސިކުނޑި ވެސް ހުއްޓިއްޖެއެވެ.
“ގޯސް ގޮތަކަށް ނުދެކޭތި…. އެމީހުން އޭރު އުޅުނީ މެލޭޝިއާގަ.. ޔަނާލްއަށް ޖެހުނީ ވަރުގަދަ ހުމެއް.. ޑޮކްޓަރަށް ދައްކަންދިޔަ ހިނދު ލޭ ދަށްކަމުން ބާއްވާފަ އޭނަގެ ގަޔަށް ލޭއަޅަން ބުނީ.. ދިޔައިރު ވަރަށް ހާލަތު ދަށް އެހެންވެ ލޭ ހޯދަން ނޫޅެ ހޮސްޕިޓަލްގަ ހުންނަ ބްލަޑް ބޭންކުން ލޭ ހޯދީ.. އެހެން ލޭ އެޅުމުގެ ތެރޭގަ މި އެޅުނީ އެޗް.އައި.ވީ ޖެހިފަ ހުރި މީހަކު ހަދިޔާ ކޮށްފައިވާ ލޭ .. ހޮސްޕިޓަލްގަ މީހުންނަކަށް ވެސް ނޭނގޭ.. އެޅި ފަހުން އެނގުނީ… މިހާރު އޭނާ ގުނަމުން އެދަނީ ހަޔާތުގެ ފަހު ދުވަސްތައް.. ޔަނާލް ބޭނުންވަނީ ވެދިޔަތަން ދޫކޮށްލާފަ މާފަށް އެދެން.. ޑޮކްޓަރުން ދީފަ އިނީ އެއް އަހަރު .. މި އަހަރު ތެރޭގަ ރީއްކޮ ގާތުގަ ހުރެލަން ބުނީ..ދަރިފުޅު ގުޅެން ހުރިއްޔާ އިންނަން ވެސް-”
“އައްޗީޑި!-“ނަދީމްގެ ވާހަކަތަކަށް ފަހު ފަހު ޖުމްލަ އިވުނު ހިނދު އިޔާންއަކަށް މަޑެއް ނުކުރެވުނެވެ. ލޭ ކެކިގަތެވެ. ނަމަވެސް އިޔާންގެ ދިފާއުގައި މަޖުދާ ތެދުވުމުން މަޑުޖެހިލިއެވެ.
“އިންނާށޭ! ލާހިކެއް ނޫން އިންނާކަށް! ނަދީމްގެ ބައްޕަގެ ކުރިމަތީގަ ދުވަހަކުވެސް މަ ނީންނާނެ އުފް ވެސް ބުނެލާފަ.. މަގޭ ދަރި މަރަން އުޅުނު އިރުވެސް ގޭގަ ރޮއެ ލަ ރޮއެލަ، ހަނު ހުރީ! އެކަމަކު ދެން މިހާ ހިސާބަށް ދިޔައީމަ މަށެއް ވެސް ނުހުންނާނަން މަޑަކުންނެއް.. ނަދީމްގެ ބައްޕައަށް ކޮން ހައްގެއް އޮތީ މޮޅެތި ނިންމުންތައް ނިންމައިގެން އައިސް ކޮންމެ ފަހަރަކު ކުރި މައްޗަށް އަރަން! ބަލަ މަށާއި ނަދީމްއާއި މަގޭ އާއިލާއޭ އެތިބީ މިކުދިން މިހިސާބަށް ގެނެސް! ބޮޑެތި ވީމަ އެއްވެސް ހައްގެއް ނޯންނާނެ ތިހެން އައިސް އެކުދިންގެ އުފާތައް ފޭރި ގަތުމުގެ.. އަހަރެން ހާދަ މަސައްކަތަކުންނޭ ދަރިން ތަރުބިއްޔަތުކޮށް ރަނގަޅު މީހުންނަށް ހެދީ! އޭގެ ހުރިޙާ ކުރެޑިޓެއް ދޭން ވީ އެކަން ހައްގު ނުވާ މީހާއަށްތަ! ބޮޑުވެ އުމުރުން ތިރިޙާއި ގާތްވެފަ ހުރި ފިރިހެންކުއްޖެއްގެ ދިރިއުޅުމާ އޭ ތިކުޅެނީ! އެއްޗެއް ހިތައް އަރާތަ!.. ޔަނާލް ބޭނުން ވަންޏާ ރީއާއާއި ޥާހަކަ ދެއްކޭނެ ގޮތް ހަމަޖައްސައި ދޭނަން.. އެކަމަކު މިގެއަކުން ޔަނާލްއަކަށް އެއްވެސް ޖާގައެއް ނުދޭނަން! އެންމެ އަންހެން ކުއްޖަކު ހުރީ މަގޭ އިޔާން އާއި އެކަށީގެންވާ.. ” މަޖުދާ ޥާހަކަ ދައްކަމުން ގޮސް ހުއްޓާލީ ރޮވެން ފެށުމުންނެވެ. ކޮންމެފަހަރަކު އިޔާންއަށް މިހެން ވަންޏާ އެދަރިފުޅު ދިރިއުޅުން މަތިން ފޫހިނުވިއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އިޔާން ކިތަންމެހާ ވެސް ހިތްވަރުގަދައެވެ. އެހާ ކެތްތެރިއެވެ. އެހެން މީހަކު ނަމަ މިހާރު އެދެއަތަކުން ހަމީދު ނޫނީ ޔަނާލް މަރާލީހެވެ. ހިތުގައި ރިއްސާލީ ދުރުގައި ހުރެ އަމީރާ ރޮމުން ދިޔަ މަންޒަރު ފެނިއެވެ. އެ ކަރުނުތައް ކިތަންމެ ފުހެމުން ދިޔަ ނަމަވެސް އެކަން މަޖުދާއަކަށް ސިއްރެއް ނުކުރެވުނެވެ.
“މަންމާ ޕްލީޒް.. އަހަންނަށް މިއަދު ވިސްނިއްޖެ.. އިޔާން ދެކެ ލޯބިވެވުނު އިރު ވަގުތު ފާއިތުވެއްޖެ.. އަހަރެން ބޭނުން ރީއްކޮ ކައިރީގައި މަޑުކުރަން.. އިޔާންއާއި އިންނަން ވެސް” ޔަނާލްގެ ދެލޮލުން ހިނދުކޮޅަކަށް ވެސް ކަރުނުތައް މެދު ނުކެނޑެއެވެ. މަޖުދާގެ ކައިރީގައި ހުރެ ދެއަތް ޖޯޑުކޮށްލަމުން، އެދެއަތް އުފުލާލީ އާދޭސް ކުރާފަދައަކުންނެވެ. ނަމަވެސް މަޖުދާ މޫނު އަނބުރާލީ ދުރަށެވެ.
“މަޜާއި ހަނގުރާމަ ކުރަމުންދާ ކުއްޖެއްގެ އެންމެ ފަހުގެ ވަސިއްޔަތް ވެސް އިޔާން ބޮލާލާ ޖަހަނީތަ؟” މިފަހަރު ވެސް ހަމީދު ބުނެލިއެވެ.
އިރަމް ގުޅައިގެން މީރާން ވެސް ގެއަށް އެވަގުތެވެ. އެހާ ނުވަގުތެއްގައި ގެއަށް އަންނަން ޖެހުމުން އޭނާ ހުރީ ވެސް ހިތްހަމަނުޖެހިފައެވެ. ނަމަވެސް ހިނގައިގެން އުޅޭ ހާދިސާ، ގެއަށް މަގުމަތީގައި އިރަމް ކިޔައިދިނެވެ. މީރާން އެއްޗެއް ބުނީ އިރުކޮޅަކު އެމީހުންގެ ވާހަކަ އަހަން ހުރެފައެވެ.
“ދެން މަރުމަތީގެ ވަސިއްޔަތޭ ކިޔާފަ ދުނިޔޭގަ ލެއްވިހާ އަންހެނަކާއި ދޮންބެއަށް އިނދެވޭތެ؟ މިފަހަރު ތިއައީ، އަހަރެމެން އެންމެންގެ މިއޮތް ހީނަރު ގުޅުން އެއްކޮން ކަނޑާލަންތަ؟ ތިހާ ވިސްނެންޔާ ކާފަ އިންނަން ވީނު އޭނަ އާއި.. އެގޮތް ރަނގަޅެއްނު؟” މީރާންގެ ޖުމްލަންތަކު ހަމީދުގެ ހުޅުވާލި އަނގަ ލެއްޕުނެވެ.
“އެންމެ ރަނގަޅު ..އިޔާންއާއި ކައިވެނި ނުކުރެވުނަސް އެންމެ ރަނގަޅު.. އެކަމަކު ރީއްކޮގެ ކައިރީގަ ހުރެވޭނެ ގޮތެއް ހަދާލަ ދީ.. މި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އަހަރެން ގެންގުޅެން އެކުއްޖާ ދިނަސް އޯކޭ.. ނޫނީ މިގޭގަ އަހަންނަށް ހުރެވޭނެ ގޮތް ހަދާދިނަސް އެންމެ ރަނގަޅު” ދެލޯ ފުހެލަމުން ޔަނާލް ވާހަކަ ދެއްކީ އިޔާންއާއިއެވެ.
“މޮޔަވީ؟ މަގޭ ހަށިގަނޑުގަ ފުރާނަ ހުރިހާ ހިނދަކު އެކުއްޖާ ނުދޭނަން” އިޔާން ބޯ ހާސްވަމުން ދިޔައިރު ހަނދާނެ ގޮތެއް ނޭނގުނެވެ.
“މަޑުކޮށްބަލަ ކިހިނެތްތަ އެނގެނީ ޔަނާލް އެހަދަނީ ތެދެއް ކަމެއް ވެސް.،އަނެއްކޮޅުން އޭނަ އެއީ އެޗް.އައި.ވީ ނުޖެހޭ ވައްތަރަކަށް އުޅުނު މީހެއް ނޫން ކަން ކާފަ ވެސް ދަންނަމެންނު” މީރާންގެ ސުވާލާއި އެކު ނަދީމް ދިއްކޮށްލީ ހަމީދު ގެނައި ފައިލެވެ. އެހުޅުވާލި އިރު އޭގައި އޮތީ މެލޭޝިއާގެ އެސް.ޓީ ސްޓީވް ހޮސްޕިޓަލަށް ޔަނާލް އެކި ދުވަސް މަތިން ދައްކާފައިވާ ލިޔެކިއުންތަކާއި ކުރި ފަރުވާތަކާއި ބަލީގެ ތަފްސީލެވެ. އެއިން ކޮންމެ އަކުރަކުންނާއި ފިއްޔަކުން ހެކިދެނީ ޔަނާލްގެ ހަށިގަނޑު ދުވަހުން ދުވަހަށް ބަލިކަށިވަމުންދާ މިންވަރެވެ.
މީރާން ވެސް ހުއްޓުން އަރައިގެން ދިޔައިރު، އެސިހުމުގައި ހުރެ އަތުގައި އޮތް ފައިލް ދިއްކޮށްލީ އިޔާންއަށެވެ. ނުހިފަން އުޅެފައިވެސް، އިޔާން އޭގައި ހިފާފައި ބަލާލިއެވެ. ތުންފިއްތާލެވުނީ އެވަރުގެ ލިއުންތަކެއް ޔަނާލްއަށް ނުހެދޭނެކަމަށް ހިތާއި ސިކުނޑިން އިއްތިފާގުވުމުންނެވެ. ކޮންމެ ލިއުމެއްގައި ވަކިވަކީން ސޮއި ކޮށްފައި ހުރިއިރު ފައިލުގައި ހިފައިގެން ހުރި އަތައް ބާރުކޮށްލެވުނެވެ. ލަސްލަހުން އޭގައިވި ގަނޑުތައް ޓައިލްސް މައްޗަށް ފައިބަމުން ދިޔައެވެ.
ސޯފާގެ ގޮނޑިއަކަށް ޖެހިގަތް އިރު އިޔާންއަށް ބަލައިލެވުނީ އަމީރާ ގެ މޫނަށެވެ. އޭރު ވެސް އަމީރާ ހުރިގޮތައް ހުއްޓެވެ. އެދެލޮލުން ފެނުނު ހިތްދަތިކަން އިޔާންގެ ހިތައް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. އިޔާން ވިސްނާލީ ރީއާއާއި މެދުގައެވެ. މިހުރިހާ އަހަރަކު، ޔަނާލްއާއި ނުލާ އޭނާ އެދަރިފުޅު ބެލިކަމުގައި ވީ ނަމަވެސް ބޮޑު ބައްޔެއްގައި ޔަނާލް އުޅެ އުމުރުގެ ފަހު ދުވަސްތައް ވޭތުކުރަމުންދާ ދަނޑިވަޅެއްގައި ރީއާ ފޮރުވުން އެއީ އިންސާފަކަށް ވާނެބާއެވެ. ކޮންމެ ގޮތެއްވިޔަސް ކުރެވުނު ކުށައް ޔަނާލް ދިޔައީ މާފަށް އެދެމުންނެވެ. އެހަށިގަނޑަށް ހިންގާލާ އެންމެ ނަޒަރަކުން ވެސް ބަލީގެ ސަބަބުން އައިސް ހުރި ބަދަލުތައް ދިޔައީ ހާމައަށް ފެންނަމުންނެވެ. ޔަނާލްދެކެ އައިސް ހުރި ރުޅި އާއި ކުރަމުންދާ ނަފްރަތު ފިނި ނުވީ ނަމަވެސް އިޔާން އަށް އެކާމައި މެދު ފިނި ހިތަކުން ވިސްނާލަން ހުރިހާ ފަރާތަކުން މަޖުބޫރުވިއެވެ.
“އެންމެ ރަނގަޅު.. މީގެ ފަހުން ހަމީދު މިގެއަށް އައިސްގެން ނުވާނެ… ޔަނާލްއަށް މިގޭ ތިރިން އެޕާޓްމަންޓެއް ހަމަޖައްސާ ދޭނަން.. މިބަޔަށް އަރާނީ ހަމައެކަނި ރީއާ އާއި ބައްދަލު ކުރަން ލިބޭ ވަގުތު އެކަނި! އޭގެ ކުރިން ވެސް އަދި އޭގަ ފަހުން މިބައިން ފެނިގެން ނުވާނެ.. ރީއާގެ ފުށުން ވެސް އަދި މިގޭ އެކަކުގެ ފުށުމުން ވެސް ޔަނާލްއާއި ގުޅޭ އެންމެ ޝަކުވާއެއްގެ އަޑު އިވުނަސް އެއީ މި ހަތަރު ފާރުގެތެރޭގައި ޔަނާލްއަށް ހޭދަކޮށްލެވޭނެ އެންމެ ފަހު ދުވަސް.. ތިއީ ދެވަނަ ފުރުސަތު މަ ދޭނެ މީހެއް ނޫން.. ދުވަހަކުވެސް! ހަނދާން ކުރާތި!” އިޔާންގެ ފުށުން އިވިގެން ދިޔައީ އެކަކު ވެސް އުއްމިދު ނުކުރާ ބަސްތަކެކެވެ.
“ދޮންބޭ… އޭނައަށް މިގެއަށް ވަނުމުގެ ފުރުސަތު ތިހެން ނުދީ.. ތިއީ އެމީއަށް ދެވޭ ކިހާ ބޮޑު އަނިޔާއެއް..ބޭރު ތެރެއިން ރީއްކޮ ގޮވައިގެން އޭނައާއި ބައްދަލު ކުރަން ދާ ގޮތައް ހެދި ނަމަ” އެހުރިހާ އިރު އެއްޗެއް ނުބުނެ ހުރެފައި އިރަމް އައިސް މަޑުކޮށްލީ އިޔާންގެ ކުރިމަތީގައެވެ. އިޔާން އެއްޗެއް ނުބުނެއެވެ. އޭނަ އިނީ އެއްޗެއް ބުނެވޭ ވަރަށް ވުރެން ބޯ ހާސްވެފައެވެ. އެހެން މީހަކަށް އެ ޖުމްލަ ނީވުނު ނަމަވެސް އިޔާންއާއި ދާދި ގާތުގައި މަޖުދާއިނުމުން އިރަމްގެ ވާހަކަ އިވުނެވެ. އެންމެންގެ ކައިރިން ލާފައި އަމީޜާ ކޮޓަރިއަށް ވަތް މަންޒަރު ފެނި މަޖުދާގެ ހިތައް ކުރުވީ ނުބައި އަސަރެކެވެ.
“ދަރިފުޅު މޮޔަ ދޯ” ރޮވިފައި އިނދެ މަޖުދާ ދެފަރާތައް ބޯ ހޫރުވާލެވުނެވެ. އިންތަނުން ތެދުވެ މިސްރާބު ޖެހީ އަމީރާގެ ފަހަތުން ދިއުމަށެވެ. ނަމަވެސް އިރަމް ގޮވާލުމުން މަޑުޖެހިލިއެވެ.
“އިހަށް ބަހައްޓާލަ… ދޮންބެ އެވަރުގެ ނިންމުމެއް ނިންމީމަ އެމީ ވަރަށް ދެރަވާނެ.. އެކަމަކު މިވަގުތު ބޮޑަށް ބޭނުންވާނީ އެކަނި ހުރެލަން ހެން ހީވަނީ.. މަންމަ ކިތަންމެ ރުޅިއަޔަސް މީނައަށް ގޮތެއް ހަދާ… ގޭގެ އެންމެ ތިރިން އެޕާޓްމަންޓެއް ހުސްވި ވާހަކަ މީރާން ބުނި..” އިރަމްގެ ވާހަކައަށް މަޖުދާ ބޯޖަހައިލަމުން އެތަނުން ދިޔައީ ދާން ބޭނުން ވެގެންނެއްނޫނެވެ. އަމީރާ އެހާލަށް ދޫކޮށްލާފައި ދާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ހަމީދު އެކުރިމަތި ކުރުވި ކަންތަކުން، ކުރަން ބޭނުން ނުވާ އެތައް ކަމެއް ކުރަން މިއަދު ފާޑަކަށް މަޖުބޫރެވެ.

އިރަމް ވަތް އިރު އަމީރާ އުޅެނީ ފާހާނާގައެވެ. އަމީރާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި އެނދުމަޓީގައި އިންނަތާ ގަޑި އިރެއް ހިނގި އިރުވެސް ދޮރެއް ނުހުޅުވިއެވެ. އެންމެފަހުން އިރަމްއަށް ނީނދެވިގެން ދޮރުގައި ޖަހާލިއެވެ.
“އެމީ.. އެމީ” ދެތިން ފަހަރު ޖަހާލި ހިނދު އަމީރާ ދޮރު ހުޅުވި ހިނދު ފުރަތަމަ ވެސް ފެނުނީ އަމީރާ ދުޅަވެފައިވީ ދެލޮލެވެ. ކޯތަފަތް މަތިގައިވެސް ކަރުނައިގެ ތެތްކަން ވީ އިރު، އިރަމް އެންމެ ދެރަވި ރުއިމުގެ އަޑު ބޭރު ނުކުރުމަށް އަމީރާ ކުރަމުން ދިޔަ މަސައްކަތް ފެނިފައެވެ. ދެތުންފަތް ބާރަށް ފިއްތައިގެން ހުރިއިރު އެ މޫނުން މާޔުސްވެފައިވީ ވަރު ހާމަވެއެވެ. އަމީރާގެ ގައިގާ އިރަމްއަށް ބާރަށް ބައްދާލެވުނެވެ. ކުރަމުންދިޔަ ހުރިޙާ މަސައްކަތެއް ބޭކާރުވެ، އަމީރާއަށް ރަނގަށް ވެސް ރޮވެމުންދިޔައެވެ.
***
ޒަންޔާއަށް ހޭލެވުނީ ވިޝާމް ފާހާނައިގެ ތެރެއިން ނުކުތް އަޑަށެވެ. އޭރު މުޅި ކޮޓަރީގެ ތެރޭގައި ދުވަމުން ދިޔައީ ހިތްގައިމު މީރުވަހެއް ހުރި ޝަވާރޖެލް އެއްގެ ވަހެވެ. ކަރާއި ހަމައަށް އޮތް ކްއިލްޓް ރަނގަޅުކޮށްލާފައި ޒަންޔާ އަދި އެނދުގައި ހަމަޖެހިލީއެވެ. ވިޝާމްއަށް ބަލަހައްޓާއިގެން އޮތެވެ. އެހާ ހެނދުނާ ފެންވަރައިގެން ނުކުތް އިރު އެމޫނުމަތީގެ ތާޒާކަން ފެނި ޒަންޔާއަށް ކަޅި ދުރުކޮށްލަން ވެސް ނޭނގުނެވެ. އުނަގަނޑާއި ހަމައަށް ތުވާލި އޮޅާލާފައި އޮތް އިރު ހަށިގަނޑުގައި ވަނީ ކުދި ފެންތިކިތައް ހަރުލާފައެވެ.
“ގުޑް މޯނިންގް، ރޭގަ ރަނގަޅަށް ނިދުނުތަ؟” ލާނެތް ފާޑަކަށް ވިޝާމް އަހައިލުމުން ޒަންޔާ ލަދުގަންނަ ގޮތްވިއެވެ. ލަދުރަކި ހިނިތުންވުމެއްގައި އޮވެ ދުރުބަލައިލަމުން ބޯ ޖަހައިލިއެވެ.
“ތިޔަ ވީ”
” ހިނގާ ކޮފީއެއް ބޯން” ވިޝާމްގެ ވާހަކައިގެ މިސްރާބު ހުރިގޮތުން މާ ބޮޑަށް ލަދުގަންނަން ފެށުމުން ޒަންޔާ އެންމެ ފަހުން ވާހަކަ ދެއްކިއެވެ. އެކަން ނަގައިގަނެވުމުން ވިޝާމް ހޭންފެށިއެވެ.
“އޭޒް ޔޫ ވިޝް،” ވިޝާމް ބުނެލިއެވެ. ޒަންޔާ އެނދުން ތެދުވީ ކުއިލްޓް ހިފައިގެންނެވެ. އެ މަންޒަރު ފެނުމުން ބާރަށް ނުހޭން މަސައްކަތް ކުރި ނަމަވެސް ވިޝާމްގެ އަނގައިން އަޑު ބޭރުވިއެވެ. ލޯ އަޅާލާފައިވެސް ޒަންޔާ އެއްޗެއް ނުބުނެއެވެ.
ހިނިގަނޑު މަތަކޮށްލަމުން ވިޝާމް އަވަސްވެގަތީ ނަމާދަށް އަރާށެވެ. ޒަންޔާ ފެންވަރައިގެން ނުކުމެ ނަމާދަށް އެރީ އޭނާ ނަމާދުން އަވަދިވެ ގުރުއާން ކިޔަވަން އިންދައެވެ. ޒަންޔާ ވެސް ނަމާދުން އަވަދި ވުމުން ކިޔެވުން މެދުކަނޑާލާފައި ވިޝާމް ތެދުވެލީ އޭނާގެ ފަހަތުން ތިރިއަށް ދިއުމަށެވެ.
“ޑޯންޓް ވޮރީ، އަމް ހިއަރ” ދުރުން އާމިލާ ވާހަކަ ދައްކާ އަޑުއިވުމުން ، ސިޑީގެ އެންމެ ފަހު ހަރުފަތާއި ހިސާބުން ޒަންޔާއަށް މަޑު ޖެހިލެވުނެވެ. ނަމަވެސް އަތުގައި ހިފާލަމުން ވިޝާމް ދިން ހިތްވަރުން، ހިތްވަރު ލިބިގަނެ ކުރިއަށް ހިނގައިގަތެވެ. ބަދިގެ ދޮރާއި ހިސާބުން ޒަންޔާއަށް ހުއްޓުން އެރީ އެތެރޭގައި މަންހާ އުޅެމުންދިޔަ މަންޒަރު ފެނިގެންނެވެ. ދެވަނަ ސިކުންތު ކަޅި ހުއްޓުނީ ފާރުގައި އިން ގަޑީއަށެވެ. އަދިކިރިޔާ ފަސްގަޑި ބައި ވީއެވެ. އެހާ ހެނދުނާ މަންހާ ބަދިގެއަށް ވަދެ އުޅެނިކޮން ދުވަހު ވެސް އޭނާއަކަށް ނުފެނެއެވެ.
“ޒަން، އާދޭ ކޮފީއެއް ބޯލަށް.. އަވަހަށް ވަދެވުނީމަ ތަންކޮޅެއް އަވަހަށް ސައިހަދާ ނިންމައިފިން މިއަދު” ޒަންޔާ ފެނުމުން ވާހަކަ ދެއްކީ ނާޔާއެވެ. އެއަށްފަހު ޔޫވީންގެ އަޑު ބޭރުން އިވުމުން ނާޔާ ނުކުމެގެން ދިޔައެވެ.
މޭޒު ދޮށުގައި ހައިކަލްއިން އިރު ގާތުގައި އާމިލާ ވެސް އިނެވެ. ޒަންޔާ ފެނުނުމުން ނުހަނު ލޯބިން ހެނދުނު ގެ ސަލާމް ހައިކަލް ކިޔެވެ. ނަމަވެސް އެހެން ދުވަސްތަކާއި ހިލާފަށް އާމިލާ ބެހެއްޓީ ދުރުކަމެވެ. ހިތައް ވީ ތަދުން ދެލޮލުން ފެން އައިސްފިއެވެ. ޒަންޔާ ފެނުމުން އާމިލާގެ ގާތައް މަންހާ ޖެހިލަމުން އޭނާގެ ހުނަރުވެރިން ތަމްސީލުން ބައެއް ކުޅެން ފެށިއެވެ.
“ދޮންތާ ކޮން އެއްޗެއް ބޭނުންވަނީ؟ ރިހަތަ؟ ކުޅިމަސް ތަ؟ އަޅެ އަޅަން މަސްކޮޅެއް، އަދި އަލަށް މިހެން މިހެދީ” މަންހާ ތުއިކަމާއި އެކު ވާހަކަ ދައްކަމުން ދިޔައެވެ.
“މަންކޮ ބޭނުން އެއްޗެއް.. އެހާ ބޮޑު އެންޖަރީއަކާއި އެކު މިއަދު ގޭގެ އެންމެންނަށް ސައި ހެދީމަ އެބަޖެހޭ ހަދިޔާއެއް ވެސް ދޭން ދޯ.. މިރޭ ހިނގާ ދޮންތަ އާއި ޝޮޕިންގ އަށް ދާން” ޒަންޔާ ފެނުނު ކަމަށް ވެސް ހަދާނުލާ މަންހާއާއި ވާހަކަ ދައްކަމުން އާމިލާ ގެންދިޔައެވެ. ހީވަނީ ކުޑަ ކުޑަ ކުއްޖަކާއި ޥާހަކަ ދައްކަމުން ދާހެންނެވެ. އެތެރެއަށް ވަދެގެން އައި ޝާއިރާ ވެސް އެ މަންޒަރު ފެނި ޒާތަކަށް ހީލައިގެން ހުއްޓެވެ. ޝާއިޜާއަށް ސައިބޯން ގޮވިއިރުވެސް ޒަންޔާއަށް އާމިލާ އެއްފަހަރުވެސް ގޮވާނުލިއެވެ.
“ހިނގާ ޒަން ބޭރަށް” ވިޝާމް ފަހަތުގައި ހުރިކަމެއް ނޭނގި އާމިލާ، ޒަންޔާއާއި މެދު ބެހެއްޓި ދުރުކަން ފެނި ވިޝާމްގެ ދެލޮލުން ފެން އަންނަ ގޮތްވިއެވެ. ވިޝާމްގެ އަޑަށް ސިހިފައި އާމިލާ ތެދުވެވުނެވެ.
“ދަރިފުޅާ އާދޭ ސައިބޯން، މަންހާ މިއަދު ސައި ހެދީ”
“އާން އިނގިއްޖެ.. މިއީ ހަތެއް ޖަހާއިރު މޭޒުމައްޗަށް ކާއެއްޗިހި ލާ ގެއަށް ..މިއީ ނަމާދުން އަވަދިވެގެން އެންމެން ކޮފީ ބޯން އަންނަ ގަޑި.. އެކަމަކު މިއަދު ތަފާތު.. ހީކުރަން މިބުނި އެތީގެ މާނަ މަންމައަށް އެނގޭނެ ކަމަށް…އެހެންވެ ކާހިތް ނުވެގެން މިދަނީ .. އަހަރެންގެ އަންހެނުންނަށް އިޙްތިރާމް ނެތްތާކު އަހަންނެއް ނުހުންނާނަން” ޒަންޔާގެ އަތުގައި ހިފައިގެން ވިޝާމް ނުކުތް ހިނދު އިސާހިތަކުގެ އާމިލާގެ މުޅި މޫނުމަތި ރަތްވިއެވެ. ދުވަހަކުވެސް އޭނާގެ ކުރިމަތީގައި އެއްވެސް ދަރިއަކު ވާހަކަ ނުދައްކާ އުސޫލަކުން ވިޝާމް މިއަދު ވާހަކަ ދައްކައިފިއެވެ. ނާޔާ ގެ ކަމެއްގައި ޔުމާން ދުވަހަކުވެސް އޭނާގެ ކުރިމަތިގައި ބަހެއް ނުބުނެއެވެ. ހުދު ނާޔާގެ ފުށުން އޭނާ ހިތް ނޭދޭ އެއްވެސް ކަމެއް ނުފެނެއެވެ. ގޭގެ އެންމެންނާއި ގުޅެއެވެ. މަންހާގެ ޒާތެއްގެ މިޒާޖެއް ހުންނަ އިރުވެސް މަންހާއާއިވެސް ދުވަހަކު ދެބަސްވީތަނެއް ނުފެނުނެވެ. ވިޝާމްގެ އެއަމަލުން އެއްޗެއް ވިސްނުމުގެ ބަދަލުގައި އެބަސްތަކުން ވީ ދެރައިން، ޒަންޔާއާއި މެދު އާމިލާގެ ހިތުގައި ކުނި ޖެހިއްޖެއެވެ.
ނަމަވެސް އާމިލާއަށް ނުވިސްނުނީ މަންހާއާއި ޒަންޔާއާއި ދެމެދު އެހެން ވާން މެދުވެރިވާ ސަބަބެވެ. ހުރި ހަމައެކަނި ކޮއްކޮގެ އާއިލާއަށް ވުމުން ޝާއިރާއަށާއި އޭނާގެ ދަރިންނަށް، އާމިލާއަށް ބެލެމުންދިޔައީ މާ ބޮޑަށެވެ. އަނެއްކޮޅުން މޭޒު ދޮށުންތެދުވަމުން ހައިކަލް، އޭނާއާއި ބައްދަލުކޮށްލި ރުޅިވެރި ނަޒަރުން ޒަންޔާ ދެކެ އާދެވުނު ރުޅި އިތުރުވިއެވެ.
“ހާދަ ފާޑެއްގެ އަންހެން ކުއްޖެކޭ ދޯ..އޭނާގެ ސަބަބުން ވިޝާމް އެދިޔައީ ދޮންތަގެ ކުރިމަތީގަ ބަސްބުނެފަ… ދުވަހަކުވެސް ވީކަމެއްނޫން..” ހައިކަލްވެސް ދިއުމުން، ލިބުނު ފުރުސަތުގައި އާމިލާގެ ބޮލަށް ސަވާރުވެވޭތޯ ޝާއިރާ މަސައްކަތް ފެށިއެވެ. އޭނާގެ މަސައްކަތް ހީކުރިވަރަށް ވުރެން އަވަހަށް ކާމިޔާބު ވަމުން ދާތަން ފެނި ހުންނަނީ އާދަޔާއި ހިލާފް ފޯރިއެއް އައިހެވެ.
“އަހަންނާއި ހެދި ތަ އެމީހުންގެ މެދުގަ މައްސަލަ ޖެހުނީމި؟ އާމިލާގެ ކުރިމަތީގައި އިށިންނަމުން މަންހާ ބުނެލީ މައުސޫމްކަމުން ފުރިގެންވާ ފަދައަކުންނެވެ. އާމިލާ އަވަސް އަވަހަށް ބޯހޫރުވާލަމުން ގަދަކަމުން މަންހާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
****
ކާން ދާންވެގެން ނުކުތް ނަމަވެސް ވިޝާމްވެސް އަދި ޒަންޔާ ވެސް ކާހިތް ކެނޑިފައި ހުރުމުން އަލުން ގެއަށް ވަދެ ތައްޔާރުވެގެން އޮފީހަށް ދިޔައީ، ރެސްޓޯރެންޓުން އެއްޗެއް ކާލަށް ނިންމާފައެވެ.
ކާރުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިން އިރުވެސް، ޒަންޔާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. ހިތުގައި އުފެދިފައިވާ އުދާސްތައް ކަރުނައިގެ ސިފައިގައި ކޯތާފަތް މައްޗަށް ތިކިޖަހަމުން ދިޔައިރު، މަޑުމަޑުން އަތުގެ ނިވާފަތްމަތިން އެ ކަރުނަތައް ފުހެލަމުން ދިޔަ މަންޒަރު ފެނި، ވިޝާމްގެ ހިތަށް ނުހަނު ތަދުވިއެވެ. ހިތުގައި އުފެދުނު ނުތަނަވަސްކަމާއެކު ވިޝާމްއަށް އޭނާގެ ތުންފަތުގައި ދަތްއަޅާލެވުނީ ކެތްތެރިކަން އިސްކުރަމުންނެވެ.
ޒާހިރްއާއި ލައިލާ ވެސް ޒަންޔާގެ ކައިވެނި ކުރުވާނީ، ކުލަޖައްސުވަން ބޭނުންވާ އެތައް އުއްމީދުތަކާއި އެތައް ހުވަފެންތަކެއް، ގައިމުވެސް ވާތީއެވެ. ނުވެސް ދަންނަ ބައެއްގެ ތެރެއަށް، މުޅީން އާ މަހައުލަކަށް ލޮލުގެ ނޫރުފަދައިން ބަލާ ބޮޑުކުރި ދަރިފުޅު ދޫކޮށްލީ، ހާދަ ވަރަކަށް ވިސްނާ ފިކުރުކޮށްފައެވެ. އަގުބޮޑު އަމާނާތެއްގެ ގޮތުގައެވެ. އެމާހައުލުން ދަރިފުޅަށް ފުރިހަމަ ރައްކާތެރިކަމާއި ލޯބި ލިބެން އެދެމަފިރިން ވެސް ބޭނުން ވާނެތާއެވެ. ޒަންޔާ މިފަދައިން ރޯ މަންޒަރު ފެނުމުން ޒާހިރުގެ ހިތަކަށް ގައިމުވެސް ކެތެއް ނުވާނެއެވެ.
“ޒަން… ބައްޕަމެން ގެއަށްތަ ޗޭންޖްވާނީ؟ ނޫނީ ހުޅުމާލޭގައި ހުންނަ އަހަރެންގެ އަމިއްލަ ގެއަށްތަ ދާނީ؟” މަންޒިލަށް އާދެވުމާއެކު ވިޝާމް ނުހަނު އޯގާތެރިކަމާއެކު އަހާލިއެވެ. އޭރުވެސް ޒަންޔާގެ ކޯތާފަތްމަތިން ކަރުނައިގެ ރޮނގުތައް ފާޅުވާން ހުރުމުން، ވިޝާމް ޓިޝޫއެއް ނަގައި، ނުހަނު ލޯތްބާއެކު އެ މޫނު ފުހެލަދިނެވެ.
“އަދި މަޑުކޮށްލާ.. ދާން ވީމަ ބުނާނަން.. އެހާ އަވަހަށް ނުކުތީމަ މަންމަ ހިތްހަމަ ނުޖެހިދާނެ ވިޝާމް ދެކެ ވެސް”
“ނޫނޭ.. މި ކައިވެނި މަ ކުރީ ޕާސްޓު މަތިން ހަނދާން ނައްތާލާފަ އާފެށުމަކުން ފަށާ ރީތި ދިރިއުޅުމެއް ހޯދަން.. ޒަންގެ މަސައްކަތުން ޕާސްޓުމަތިން ހަނދާން ނައްތާލެވިއްޖެ.. އަހަންނަށް ރީތި ދިރިއުޅުމެއް ވެސް ލިބިއްޖެ..މިއީ މިހުރިހާ ދުވަހު އަހަރެން ކުރި ދުއާ.. އަލްހަމްދުލިއްލާހް.. މަންމައާއި ދެބަސް ވާކަށް އަހަރެން ވެސް ބޭނުމެއްނޫން.. ހުރިހާ ކަމެއް ރަނގަޅުވާނެ ދެމީހުން އެކަނި އުޅެންފެށީމަ..ޕްލީޒް ޒަން، ލެޓްސް މޫވް..”
ޒަންޔާގެ އަތުގައި ހިފާލަމުން ވިޝާމް އާދޭހުގެ ރާގެއްގައި އެދުނެވެ. ވިޝާމްއަށް ޒަންޔާގެ މައްޗަށް ބާރު ފޮރުވުމުގެ ފުރުސަތު އޮތް ނަމަވެސް، އޭނާ ބޭނުންވީ ޒަންޔާގެ ނިންމުމަށް އިޙްތިރާމް ކުރާށެވެ. މަންހާއާއި ޝާއިރާ އެ ގޭގައި އުޅޭހާ ހިނދަކު، އޭނާ ކޮންމެ މީހަކާ އިނދެގެން ގެއަށް ގެންދިޔަސް، އެ މާހައުލުގައި ހިތްހަމަޖެހުމެއް ނުލިބޭނެކަމީ ދުވާލުގެ އިރު ފަދައިން ވިޝާމްއަށް އެނގޭ ހަގީގަތެކެވެ.
“އެންމެ ފަހު ފަހަރަށް.. ދެން ކަމެއް ވިއްޔާ ވިޝާމް ބުނާ ގޮތަށް ހަދާނަން.. އޯކޭ؟” ފަނޑު ހިނިތުންވުމަކާއެކު ޒަންޔާ އަހާލިއެވެ. އެ ނިންމުމާ މެދު ވިޝާމް އެހާ ހިތްހަމަނުޖެހުނު ނަމަވެސް، ޒަންޔާގެ ހިތްހަމަޖެހުމަށްޓަކައި ބޯޖަހާލަމުން އެއްބަސްވިއެވެ. އަދި ނުހަނު ލޯތްބާއެކު ޒަންޔާގެ ފުނާ އޮމާން އިސްތަށިގަނޑުގައި ފިރުމާލިއެވެ.
***
ދަބަސް ކޮނޑުގައި އަޅުވާލައިގެން ހުރެ ޔުމާން ގެއަށް ވަދެގެން އައި އިރު، ދޮރު ކައިރީގައި އިންތިޒާރުގައި ނާޔާ މަޑުކޮށްލައިގެން ހުއްޓެވެ. ނާޔާ ފެނުމުން، ހިތްވަރުކޮށްގެން ހުއްޓާ ވެސް ދެލޮލަށް ކަރުނު ޖަމާވެއްޖެއެވެ.
“މިސް ޔޫ ސޯ މަޗް!” އުފަލުން ފޮޅިފައި ހުރި ނާޔާ، ދުވެލާފައި އައިސް ޔުމާންގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ވަށައިގެންވާ މާހައުލަށް އަވަސް ނަޒަރެއް ހިންގާލުމަށްފަހު، މީހެއްގެ ހިލަމެއް ނެތްކަން ޔަގީންވުމުން، ލޯތްބާއެކު ޔުމާންގެ ގައިގައި ބައްދާލިއެވެ. އެ މައުސޫމް އަދާއިން ޔުމާންގެ ހިތުގައި އުފެދިފައިވާ މާޔޫސްކަމުގެ ތެރެއިން ވެސް ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާގެ ވަރުގަދަ ދެއަތުން ނާޔާގެ ހަށިގަނޑު ވަށާލަމުން، ނުހަނު ލޯބިން އެ ނިތްކުރީގައި ބޮސްދިނެވެ.
“ކޮބާ ޔޫވީ؟ އެހާ ގިނައިރު ނުވާނެ އެންނު ކޮޅަށް ހުންނާކަށް؟” ނާޔާގެ ބަނޑުގައި އަތް ޖައްސާލަމުން ޔުމާން ދެލޯ ހަނިކޮށްލިއެވެ.
“ހަމަ މިނުކުތީ ގޭޓު ހުޅިވިއަޑަށް.. ޔޫވީ ވެއްޖެ މަންމަޔާއި އެއްކޮން.. މަތީގަ ކަންނޭގެ ވާނީ” ނާޔާ ހިނިތުންވެލިއެވެ. ޔުމާން ވެސް ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ. ނާޔާ އަހައިލީ ޔުމާން ކުރަން ދިޔަ ކަންތަކާއި ބެހޭގޮތުންނެވެ. ޔުމާން ދިޔައީ ކޮންކަމަކުކަން އެނގޭތީ އޭނާ އެސުވާލު ކުރީ މަޑުންނެވެ.
ނަމަވެސް، ނާޔާގެ އެ ސުވާލާއެކު ޔުމާންގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެ، ބަނަވެގެން ދިޔައެވެ. އުނދަގޫ ގޮތަކަށް ހިންދިރުވާލުމަށްފަހު އޭނާ ވާހަކަ ދެއްކިއެވެ.
“ހިނގާބަލަ ރޫމަށް.. އަދި ފަހުން ވެސް ވާހަކަ ދެއްކިދާނެ އެންނު. ވިއްސާރަވީމަ ކަނޑު ވަރަށް ގަދަ، އެހެންވެ ކުޑަކޮށް ބޮލުގައި ރިއްސައިގަނެފައި މި ހުންނަނީ.. އަންހެންކުދިން ނޫނަކަސް އަހަންނަކީ ވެސް ފުދޭވަރަކަށް ކަނޑަށް ބަލި މީހެއް.. ހެހެހެ،” ޔުމާން މަޖާވެލާފައި ވާހަކަ ބަދަލުކޮށްލި ނަމަވެސް، ނާޔާގެ ތޫނު ދެލޮލަށް އޭނާގެ ހިތުގެ ނުތަނަވަސްކަން ވަންހަނާއެއް ނުކުރެވުނެވެ. ކިތަންމެ ފޮރުވަން މަސައްކަތް ކުރި ނަމަވެސް، އެ މޫނުމަތިން ފެންނަން ހުރީ ބޮޑު ކަމެއްގެ ސިގްނަލެވެ. އެކަން ނާޔާގެ ހަވަނަ ހިއްސުވެސް ދެނެގަތެވެ.
“ޔުމާން ހަނދާން ނެތުނީ ދޯ އަހަންނަކީ ކޮން ކަހަލަ ވަޒީފާއެއްގައި އުޅޭ މީހެއްކަން؟” ނާޔާ ހިތްހަމަނުޖެހިފައި ހުރެ އަހާލިއެވެ.
“ތިބުނީ؟” ޔުމާން ހައިރާންވެފައި ސުވާލުކުރިއެވެ.
“އަހަންނަކީ މީހުންނަށް ތެރަޕީދީ، ހިތުގެ އުދާސްތައް ދެނެގަންނަން ދަންނަ މީހެއް. ޔުމާން ދޮގު ހަދަން އުޅުނަސް ތި މޫނުމަތިން ބޮޑު ކަމެއް ވެފައި ހުރިކަން ސާފުކޮށް އެނގޭ. ފުރަތަމަ ކަމަކަށް ހަމަޖެހިލާ.. އެއަށްފަހު ހުރިހާ ވާހަކައެއް ކިޔައިދީ. އަހަރެމެންގެ މެދުގައި އެއްވެސް ސިއްރެއް ނޯންނާނެ، ރައިޓް؟” ނާޔާގެ އަޑުގައި ވަނީ ކަންބޮޑުވުމާއި އޯގާތެރިކަމެވެ. ނާޔާގެ ވާހަކައިން ޔުމާންއަށް ކުރިއަށް ބާރަށް ތުންފަތުގައި ދައިގަނެވުނެވެ. އެކަމުން އަނގައިގާ ލޭރަހަ ލާ ގޮތްވިއެވެ. އިތުރު ބަހުސްއަކަށް ގޮސްގެން ނާޔާ ނުރުހުންވެ ހުންނަ ތަން ދެކެން ބޭނުން ނުވާތީ ޔުމާން ބޯޖަހައިލިއެވެ.
“އެނގޭތަ ގޭގަ ކަމެއް ވެގެންނޭ އުޅެނީ މިހާރު؟” ނާޔާ ވާހަކަ ދެއްކީ ކޮޓަރިގެ ތެރެއަށް ވަދެފައެވެ.
“ކިހިނެތްވީ؟”
“ކިހިނެތް ނުވަނީ.. މަންހާ މާ ކަންތައް ބޮޑީ.. ދުވަހަކުވެސް މިގޭ މީހުންގެ ކަމަކަށް އެއްވެސް ބަހެއް ނުބުނަން މަށެއް.. އެކަމަކު ވަރަށް ސަކަރާތްކޮން ޒަން އާއި ދޭތެރޭގަ އެބަ ކަންތައް ވޭ.. ޔުމާން އަންނަން ދެން މި މަޑުކުރީ” ނާޔާ ކިޔައިދޭންފެށި ވާހަކަތަކުން ޔުމާންގެ ނިތައް ރޫ އަރައިގެންދާކަށް މާގިނަ އިރެއް ނުނެގިއެވެ. ފަހަރަކު ކަމެކެވެ. އެއްކަންތައް ނުނިމެނީސް އަނެއްކަންތައް މި ހިނގާ ގޮތުން އޭނާގެ ބޮލުގައި ރިއްސުން ދެގުނަ ވެއްޖެއެވެ.
“މިއަދު ޔުމާން އަންނަ ވާހަކަ ބުނީމަ އަހަރެން ވެސް ބަދިގެއަށް ގޮސްފިން ބަންގި ގޮވިތަނާ ނަމާދުކޮށްގެން.. އެގަޑިގަ ޝާއިރާއްތަ އާއި މަންހާ އުޅޭ ބަދިގޭގަ.. ޝާއިރާއްތަ، މަންހާ ކައިރީގަ ބުނަނީ ޒަންޔާ އައުމުގެ ކުރީން ސައިހަދަން ހިނގާށޯ.. ރަނގަޅަށް ވެސް ޖެއްސުން ކޮށްލާނަމޯ ދެން.. އަދި މަންމަގެ ވެސް އަސްލު ނަން ބޭނުންކޮށްގެން ޝާއިރާއްތަ ވާހަކަ ދައްކަނީ.. އާމިލާ ވެސް ހުންނާނީ ހޭބަލި ވެފަޔޯ ބުނަނީ.. މަ ފެނުނީމަ ދެމީހުން އަނގަހުއްޓުނީ.. އެގަޑީގަ އެކަކު ކައިރީގަ ވެސް މިހެން ނުބުނަން.. މަސްލަހަތު ގެއްލިދާނެތީ” ނާޔާއަށް އިވުނު ވާހަކަ ކިޔައިދިން ހިނދު ޔުމާންއަށް އެކަމާއި ވިސްނާލަން މަޖުބޫރުވިއެވެ. އެވަގުތު ނިދުމުގެ ހިޔާލު ދޫކޮށްލާފައި އައިސް އިށީނީ އެނދުގައެވެ.
***
ވޭތުވެދިޔަ ދެދުވަހަކީ އަމީރާގެ ޙަޔާތަށް އައި ނުހަނު ބުރަ، އަދި އެހާމެ ތަފާތު ދެދުވަހެވެ. އޭނާގެ މުޅި ދުވަސް ތަރުތީބުކޮށްފައި ވަނީ އިޔާންގެ ލޯމައްޗަށް ފަރުދާވެގެން ހުރެވޭނެހާ ހުށިޔާރުކަމާއެކުގައެވެ. އިރުގެ ރަންދޯދިތައް ދުނިޔެއަށް މަރުޙަބާ ކިޔުމުގެ މާކުރިން، ލައިބާއާއެކު އޭނާ ޑިއުޓީއަށް މިސްރާބު ޖަހަނީ އިޔާންގެ ހިލަމެއްވުމުގެ ކުރިންނެވެ. ޑިއުޓީ ނިމިގެން ގެއަށް އެނބުރި އަންނަނީ ވެސް، އިޔާން ބޭރުގައި އުޅޭނެ ވަގުތުތައް ބަލައިގެންނެވެ. މި ދެދުވަހުގެ ތެރޭގައި ޔަނާލްގެ ހިލަމެއް ވެސް ނުވުމީ އަމީރާއަށް ލިބުނު ފިނިކަމެކެވެ. ނަމަވެސް، އޭނާގެ ހައިރާންކަން އިތުރުވަނީ ރީއާގެ އަމަލުތައް ހުންނަ ގޮތުންނެވެ. ޔަނާލްގެ އައުމާއެކު، ރީއާ ކުރިއަށްވުރެ ބޮޑަށް އަމީރާއާއި ހެދި، އޭނާގެ ހިޔަނީގައި އުޅެން ފަށައިފިއެވެ. އެ ތުއްތު ހިތަށް ކޮންމެވެސް ނުތަނަވަސްކަމެއް ލިބިފައިވާ ފަދައެވެ. އަމީރާ ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއެވެ. ބައްދާލަނީއެވެ. ނޫނީ އަމީރާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮންނަނީއެވެ.
ތިންވަނަ ދުވަސް ވެގެން ދިޔައީ، ރީއާ އަލަށް ސުކޫލަށް ދާ ދުވަހަށެވެ. އެހެންކަމުން، މިއަދު އިޔާންގެ ކުރިމައްޗަށް ނުގޮސް ފަރުޖެއްސޭނެ އެއްވެސް މަގެއް ނެތެވެ. ކުރިއަށް ވުރެން ގިނަވަގުތު ރީއާ، އަމީރާގެ ގާތުގައި އުޅެމުންދާ ސަބަބުން ވެސް އެނގުނީ އެދުވަހުއެވެ. ފަތިސް ނަމާދަށް ފަހު ބަދިގެއަށް ވަތް ހިނދު ފުރަތަމަ ވެސް ދިމާވީ މަޖުދާއާއެވެ. އޭރު މީރާންއާއި އެކު ރީއާ އައިސް ވަންނަނީއެވެ.
“މަންމީ..” ދުވެލާފައި އައިސް އަމީރާގެ ދެފައިގާ ހިފައިގަތެވެ. ރީއާގެ އެ ލޯބިވެތި ގޮވުމަކީ މިހާރު އެ ގޭތެރެއަށް އާ އަޑަކަށް ނުވިޔަސް، ކޮންމެ ފަހަރަކުވެސް އެންމެންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ގެނުވައެވެ.
“ކޮބާ ސަފަރުކަތްދަ” މީރާން އަހައިލީ ޔަނާލްގެ ޥާހަކައެވެ. އަމީރާގެ މޫނުމަތި ބަދަލުވެގެން ދިޔައިރު، މަޖުދާވެސް ފުސްމޫނު ހަދާލިއެވެ.
“ނޭނގޭ.. މިއަދުވެސް ރީއްކޮ ބިރުން ރޯން ކަންނޭގެ ފަށާނީ.. އޭނާ އައީމަ އޭ ރީއްކޮ އެމީމެން ރޫމަށް ވަންނަ ގޮތައް ނުނިކުމެ ހުންނަނީ.. ނީޝަން އަދި ޔަނާލް ދައްކާފަ ކިއުއްވާނީ ވެސް ހަންޑި ދައިތަ ” މަޖުދާގެ ވާހަކަ ނިމުނުއިރު މީރާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނަމަވެސް އަމީރާގެ ހިތުގައި ހިނގީ ތަފާތު ޝުޢޫރެކެވެ. ރީއާގެ ބަދަލުވެފައިވާ މިޒާޖުގެ އަސްލު އެނގުމުން، އޭނާގެ ހިތް ހަމްދަރުދީން ފުރުނެވެ. އަމީރާގެ މޭގައި ބޮނޑިވެލައިގެން އޮތް ރީއާއަށް، އެއީ މި ދުނިޔޭގެ އެންމެ ރައްކާތެރި އަމާން ބަނދަރު ކަހަލައެވެ. އަމީރާގެ ފިރުމުންތަކާއި ގާތްކަން ލިބޭހާ ހިނދަކު، އެ މޫނުމަތީގައިވަނީ ފަނޑުވުމެއް ނެތް އުޖާލާ ހިނިތުންވުމެކެވެ. އިރުއިރުކޮޅުން ނުހަނު ލޯތްބާއެކު އަމީރާގެ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ.
މަޖުދާ ބުނެލިހިނދު މީރާން ޖަހައިލީ ހިނިގަނޑެކެވެ. ރީއާގެ ބަދަލުވެގެން ދިޔަ މިޒާޖު އެނގުމުން އަމީރާއަށް ބަލައިލެވުނީ ހަމްދަރުދީ އިން ފުރިފައިވާ ހާލުއެވެ. މޭގެ ތެރޭގައި ބޮނޑިވެލައިގެން ރީއާ އޮތް އިރު، މިދުނިޔެ މަތިންވެސް އެންމެ ހަމަޖެހޭ މަގާމަކީ އެއީ ކަހަލައެވެ. އަމީރާގެ އިހްސާސްވާ ހިސާބެއްގައި ހުރެވިއްޖެނަމަ އެ ތުއްތުކުއްޖާގެ މޫނުން ހިނދަކަށް ވެސް ހިނިތުންވުން ނުގެއްލެއެވެ. އެހެން އޮވެ އިރުއިރުކޮޅުން އަމީރާގެ ކޯތާފަތައް ނުހަނު ލޯބިން ބޮސްދެއެވެ.
އެ މަންޒަރުން ލިބުނު ހިތްހަމަޖެހުމާއި އެކު މަޖުދާ ދައްކާލީ މީރާންއަށެވެ. މީރާންގެ ތުންފަތްވެސް ފުޅާވެގެންދިޔައެވެ. ރީއާ ލައްވަން ޖެހޭ ޔުނީފޯނު ހިފައިގެން އިޔާންގެ ބައިން އިރަމް އައުމުން، އަމީރާ ކޮޓަރިއަށް ވަންނަން ދިޔައީ ރީއާ ތައްޔާރު ކުރުމަށެވެ.
“މަންމައަށް އެނގޭތަ ދޮންބެ އަށް އެނގިއްޖެ ސަދަފްބެ އިނޮސެންޓްކަން… ދެމީހުން މިހާރު ވާހަކަ ދައްކާ” މީރާން ދިން ހަބަރުން މަޖުދާއަށް ސިހިފައި ކީކޭހޭ އަހާލެވުނެވެ. މީރާން އަލުން ތަކުރާރްކޮށްލުމުން، އެ ސިހުމުގައި ހުރެ އަނގަމަތީގައި މަޖުދާއަށް އަތް އެޅުނެވެ.
“ރޭގަ ދޮންބެ އުޅުނީ ދައްތަ އަށް ޕްރޮޕޯސްކުރަން.. އަސްލު މިގޭ ޓެރެސްގަ ކުރަން އުޅުނު ކަމެއް، އައުޓް ޑޯ ތާކަށް ބަދަލުވީ..އެކަމަކު އެންމެފަހު ވަގުތު ވާރޭ ވެހެން ހެދީމަ ގޯލްޑެން ފޯކްއަށް ދާން އޮތީ..އޭނަ މިކަމަށް ތައްޔާރުވާތަ ވަރަށް ދުވަސް ވެއްޖެ.. ބަރާބަރު ދެމަސްވީ.. އެކަމު އެންމެފަހު ވަގުތު ފެއިލް މިވީ… ރޭގަ ފަހުން މަގޮސް އެހީމަ ބުނީ ދާން ވެހެން ނުކުތް ތަނާ ޔޯ ބައްޕަ އަންނާށޭ ބުނީ.. ހީ ވޯޒް ކޮމްޕްލީޓްލީ ބްރޯކެން” މީރާން ދެރަވެލާފައި ބުނެލިއެވެ.
“ދެން ކީއްވެ މޮޔަވެގެން ޔަނާލް މިގޭގަ ބަހައްޓާން އެބުނީ”
“މަންމާ، މިޙާރު މަށައް ވެސް ދޮންބެގެ ސައިޑް އަންޑަސްޓޭންޑް ވޭ.. ދޮންބެ ބުނީ ޔަނާލް ދިޔަސް ރީއްކޮއަށް އަމިއްލަ މައިމީހާ ނުދެއްކުމުގެ ގިލްޓް ނީންނާނެޔޯ މިހާރު… އޭނަ ބޮޑީއަށް އައިސް ހުރި ޗޭންގްސް އާއި ފައިލްގަ ހުރި މައުލޫމާތު ބަލާ ނިކަން.. އޭގެ އެޔޮތީ ދުނިޔޭގަ މައްސޫރު ހޮސްޕިޓަލެއްގެ ނަން.. އެހާ ބޮޑު ބައްޔަކަށް ވެއްޓި އުމުރުގެ ފަހު ދުވަސްތައް ގުނަމުންދަނީ .. އެހާލަތުގަ ހުރެ ވިސްނިގެން އައިސް މިދުވަސްކޮޅު ރީއްކޮ ކައިރިގަ ހުރެލަން ބޭނުންވީ އެ.. ކިތަންމެ ނުބައި ނުލަފާ މީހަކަށް ވެސް ހެޔޮ ވިސްނިގެން އައިސްފާނެ..” މީރަންއަށް ވިސްނުނުގޮތް ހާމަ ކުރިއިރު މަޖުދާ އެކަމަކާއި ދެކޮޅެއް ނުހެދިއެވެ.
“މަންމަ ގަބޫލްކުރަން ތި ބުނާ ވާހަކަ ، އެކަމަކު ޔަނާލްއަކި އިޔާގެ އެކްސް ވައިފް.. އެކްސް ގާލްފްރެންޑެއް ވެސް ނޫން، އެކްސް ވައިފް!.. މިގޭގަ އޭނާ ނުބަހައްޓާ، އޭނަ އަމިއްލަ ގޭގަ ވެސް ބެހެއްޓޭނެ އެންނު.. ނޫނީ މިގެޔާއި ކައިރި އެހެން ތާކުން ތަނެއް ހޯދުނީހެންނު.. މިގެއަށް އައިސް އެމީގެ ކުރިމަތީގަ އިޔާ އާއި އޭނަ ރީއްކޮ ކައިރީގަ އުޅުނީމަ ކިހިނެތް ވާނީ! ދަރިފުޅަށް ފާހަގައެއް ނުވޭތަ، ދޮންބެއާއި ދުރުން އެމީ މިތިންދުވަހު އުޅުނު ގޮތެއް.. މިއަދު ރިއްކޮ ސުކޫލަށް އަލަށް ދާ ދުވަސް ވީމަ އެ ނުކުމެލީ! އިރޫ ބުނި އެމީ ހޯދަން އިޔާ ކޮންމެ ރެއަކު އާދެއޭ..އޭގެ މާކުރިން އެމީ އޮންނަނީ ނިދަން އަރާފަ.. އެއީ އެމީ ގަސްތުގަ ކުރާ ކަމެއް ނޫން، ކެތެއް ނުޥާނެ އެއްވެސް މިހަކަށް ސިޗްއޭޝަނެއް އައީމަ ހީލައިގެން ހުންނާކަށް.. އެމީހަކަށް ޖެހުނީމަ އިޙްސާސްވާނީ.. އެމީގެ ލޮލުން މަންމައަށް ފެނޭ ޕެއިން.. ތެދު ތެދަށް ބުނަންޏާ އަހަންނަށް އަދިވެސް ޔަނާލްއާއި މެދު ޝައްކު” ވާހަކަ ދައްކަމުން ގޮސް ފަހު ޖުމްލަ މަޖުދާ ބުނެލީ މަޑުންނެވެ. އިޔާންގެ ކޮޅަށް ބުރަވެވޭ ނަމަވެސް މަޖުދާގެ ވާހަކައަށް ވެސް މީރާންއަށް ބުރަވެވުނެވެ. މަޖުދާ އެބުނާހެން، އެފަދަ ކަމެއްގައި ހުރި ވޭން އިހްސާސް ވާނި އެ ކަމެއް ކުރިމަތިވީމައެވެ. މީރާންވެސް އިތުރަށް އެއްޗެއް ނުބުނެ، ބޯޖަހައިލިއެވެ. ދެމީހުން ވާހަކައިގާ ތިއްބާ ކޮޓަރިން ރިއާ ނުކުތް އަޑުއަޙާފައި ބޭރަށް ނުކުތެވެ.
“އާއްޗާ މާމަ ދޫނިކޮޅު” މަޑު ނޫކުލައިގެ ޔުނީފޯމްކޮޅާއި ހަމައެކުލައިގެ ކުރު ސޯޓުކޮޅުގައި ރީއާ ފެންނަލެއް ފުރިހަމައެވެ. ފަން އިސްތަށިކޮޅުވެސް މެދުން ފަޅާލާފައި ދެފަރާތައް ދެހުޅި ހަދާލާފާއި ހުރިއިރު ކޮންމެ ހުޅިއެއްގައި ނޫކުލައިގެ ދައްޗެއް ޖަޙާފައި އިނެވެ.
“ދޫނި ބޭގް” އަމީރާ ދަބަސް ދިއްކޮލުމުން ތުންކޮޅު ނެރެލިއެވެ. ދަބަސް އަޅުވާލާފައި ބޫޓަށް ވެސް އަރުވާލުމުން އަމީރާގެ ގައިގާ ބައްދާލިއެވެ.
“މަންމި އެއްކޮން ދާނީ” ތުއްތު އަޑުން ބުނެ ތުންބޮޑުކޮށްލިއެވެ. އޭރު ޔަނާލް އެބަޔަށް ވަންނަނީއެވެ. ޔަނާލްއަށް އަމީޜާ ފެނުނީ އެވަގުތުއެވެ. އަލަށް އައި ރޭ ކަންތައް ހިނގައި ދިޔަގޮތުން އެއްވެސް މީހަކު، އޭނާގެ ލޮލުގައި އަޅައިނުގަނެއެވެ. މާ ބޮޑު ސަމާލުކަމެއް ނުދޭން އުޅުނު ނަމަވެސް ރީއާ، އަމީރާއާއި މުހާތަބު ކޮށް ބުނެލި ޖުމްލަ އަހާފައި ހުއްޓުން އެރިއެވެ. އިޔާން ވެސް ވަދެގެން އައީ އެހެން ހުއްޓައެވެ.
“މަންމަ ދާނަ؟” އަމީރާގެ ކޮލުގައި ރީއާގެ ކުދި އިނގިލިތަކުން ހިފާލަމުން ބުނެލިއެވެ.
” ލައްޕަ ދަރިފުޅޫ، މަންމަ ދާނަން” އަމީރާއަށް ރީއާ މަންމާއޭ ކިޔާފައި ގޮވުމުން އެކަން ޔަނާލްއަކަށް ހަޖަމެއް ނުކުރެވުނެވެ. މެޔަށް ބާރުވެގެން ދިޔަހިނދު، ދިޔަ ބާރުމިނުގައި ގޮސް ދިމާކޮށްލީ އަމީރާގެ އަތުން ރީއާ ޖަހައިގަންނާށެވެ. ނަމަވެސް އެކަމަށް ހުރަސް އެޅުނީ އޭނާ ފެނުމާއި އެކު، ދެލޯ ބޮޑުކޮށްލަމުން ރީއާ ރޯންފެށި ގޮތުންނެވެ.
“ނޫން.. ނޫން.. އައްޗި މީހާ.. ނޫން” ދެފަރާތައް ބޯހޫރުވާލަމުން ރީއާ ރޮމުން ދިޔަ ގޮތުން އަމީރާއަށް ތުންފަތުގައި ދަތް އަޅުވާލެވުނެވެ. ރީއާ އެހެން ރޯ މަންޒަރަކީ އަމީރާއަށް ބަލަން ކުޅަދާނަ މަންޒަރެއް ނޫނެވެ. އެކުއްޖާގެ ގައިގާ ބައްދާލެވުނީ ވެސް އެހންވެއެވެ.
“ތިއީ ދޯ މިގޭގަ ގެންގުޅޭ ކުއްޖަކީ… ކެން ޔޫ ޕްލީޒް، ސްޓޭ އަވޭ ފްރޮމް މައި ޑޯޓަރ؟” ޔަނާލްގެ ނުރުހުން އެކުލެވޭ ޖުމްލައިން ހީވީ އަމީޜާގެ މޫނުމަތީގައި ބާރު ހުރި އެތިފަހަރަކުން ޖަހާލިހެންނެވެ. ދެރަވީ އެއަޑޫގައި ހުރި ނުރުހުމަކުން ނޫނެވެ. ނަމަވެސް އޭނަޢާއި މުޙާތަބުކޮށް ޔަނާލް ބުނެލި ބަސްތަކެވެ. އަނެއްކޮޅުން އިޔާން ދުރުބަލައިލި އިރު، އަމީރާގެ ދިފާއުގައި ޔަނާލްއާއި ދިމާލަށް އެއްޗެއް ވެސް ނުބުންޏެވެ.
“އަހަރެންގެ އެންމެ ފަހު ދުވަސް ކޮޅު މިގޭގަ ހުރެލަން މިއައީ.. ތިހެން ހިފެހެއްޓުމުގެ އެއްވެސް ހައްގެއް ނޯންނާނެ.. ތިއީ އަހަރެންގެ ލޭ.. ތީނަ ތިހެން ހެދީމަ-” އެހިސާބަށް ބުނެފައި ޔަނާލް ފެށީ ރޯށެވެ. ދެލޮލުން ފެންފުހެމުން ދިޔައިރު ކޮޓަރިން ނުކުތް ނަދީމްއަށް އެ މަންޒަރު ފެނުނެވެ. ޔަނާލް ދެއްކި ވާހަކަ އޭނައަށް އިވުނެވެ.
ނަދީމަށް ބަލައިލެވުނީ ނުރުއިމަށް ތުންފަތުގައި ބާރަށް ދަތް އަޅުވާލި އަމީރާގެ މޫނަށެވެ. ހިތްހަމްދަރުދީން ފުރުނެވެ. ރީއާއާއި ހެދި އަމީރާ އުޅޭ ގޮތާއި އެ ބަސްތަކުން ކުރާނެ އަސަރު އެނގެއެވެ. ނަމަވެސް މަޖުބޫރުވެފައިވާ މީހަކު ފަދައިން ނަދީމް ގޮސް ހުއްޓިލިއެވެ.
“އާދޭ ކާފަ ކައިރިއަށް.. ބަލާ މިހުރީ ދޫނީ މަންމަ.. ސަލާމް ކޮށްލަބަލަ” ނަދީމް އުރާލަމުން ވާހަކަ ދެއްކި ނަމަވެސް ރީއާ ތުންފިއްތާލިއެވެ. ހިތާއި ދެކޮޅަށް އަމީރާ ކޮޓަރިއަށް ވަންނަން ދިޔައީ އިތުރަށް ކެތް ނުކޮށްލެވުމުންނެވެ.
“ކޮންމެ ހާ ކަމެއް ބޮޑު އިޝޫއަކަށް ހަދަން ބޭނުންވަންޏާ ނުކުމެގެން ދާންވީ ހަމަ.. އެމީއާއި ހެދި ރީއްކޮ އުޅޭވަރު މިގޭ އެކަކަށް ވެސް އޮޅިފަ ނޯންނާނެ.. ދެވަނަ ފަހަރަށް އެމީއާއި ދިމާލަށް އެއްޗެއް ބުނެފިއްޔާ މި ހަތަރު ފާރުން ބޭރަށް ނުކުންނަން ޖެހޭނީ.. އިވިއްޖެތަ؟” އިޔާން ނުރުހުމާއި އެކު ބުނެލި ބަސްތަކުން ޔަނާލްގެ ކަރުނަތައް ވީ އިތުރެވެ. އެހެނަސް އެކަމަކަށް އެކަކުވެސް ފަރުވާލެއް ނުބެހެއްޓިއެވެ.
އިރަމް ލައްވާ، ރީއާގެ މޫނު ސާފް ކޮށްލައިގެން އަލުން ނުކުތީ ގަޑި ޖެހުމުގެ ކުރިން ރީއާ ސުކޫލަށް ގެންދިއުމަށެވެ. ކާރަށް އެރިއިރު ވެސް އިޔާންއަށް ސިފަވެގެން ދިޔައީ އަމީރާގެ ފެންކަޅިވެފައިވާ ދެލޮލެވެ. އަމިއްލަ ދެލޯ ފެންކަޅިވެގެން ދިޔުމާއި އެކު އިޔާންއަށް ހިންދިރުވާލެވުނެވެ. ކިތަންމެ ދެރަވީ ނަމަވެސް ލޯބިވާ ދަރިފުޅުގެ ކުރިމަތީގައި ހިނިތުންވެލަން މަޖުބޫރެވެ. އަދި ހިތްވަރު ނެރެން މަޖުބޫރެވެ. ރީއާ ސުކޫލަށް ދާ ފުރަތަމަ ދުވަހު ދެމީހުން އެކުގައި ސުކޫލު ދޮށައް އައުމަށް އަމީރާ ހާދަ ވަރަކަށް ކިއެވެ. ރީއާ ސުކޫލަށް ވެއްދިކަން ބުނި ދުވަހުވެސް، އެ ރީތި ހިނިތުންވުމުގައި ހުރެ އެކަމާއި އުފަލުން އުޅުނުގޮތް ސިފަވުމުން އިޔާން މާ ބޮޑަށްވެސް ދެރަވިއެވެ. އަމީރާ ނުލާ ދާން ބޭނުން ނުވުމުން އެ ފޯނަށް އިޔާން ގުޅިއެވެ. ތިން ފަހަރަށް ގުޅުމުން ވެސް ފޯނު ނުނެގުމުން ، އިރަމްގެ ފޯނަށް ގުޅާލިއެވެ.
“ޝީ އިޒް ކްރައިންގް ދޮންބޭ” އިރަމްގެ އަޑު އިވުނު ހިނދު އިޔާން އަށް ދެލޯ މަރާލެވުނެވެ. އިޔާން އެދުނީ ކާރާއި ހިސާބަށް އަމީޜާ ގެނެސްދިނުމަށެވެ. ރީއާ ނުދާން އުޅޭތީއޭ ބުނާށޭ ބުނެ ފޯނު ކުރުކޮށްލިއެވެ. އެގޮތުގައި ދިހަ ވަރަކަށް މިނެޓް ހޭދަވި ފަހުން އަމީރާ އައިސްފިއެވެ. އިރަމް ވެސް އައެވެ.
“ދޮންބޭ ، މަ ވެސް ބޭނުން ދާން ރީއްކޮ ފަސްޓް ޑޭގަ” އިރަމްގެ ޖަވާބުން އިޔާން މާޔުސްވީ ނަމަވެސް ބޯޖަހައިލިއެވެ. އިރަމްގެ މޫނުމަތި ހުރި ގޮތުން ބޮޑަށް ހީވަނީ، އެއީ އަމީރާ މަޖުބޫރުކޮށްގެން ކުރުވި ކަމެއް ހެންނެވެ. ކާރު ދުއްވާލުމުން ރީއާ ފަހަތައް ފައިބާފައި އިށިނީ އަމީރާގެ އުނގުގައެވެ. އަމީޜާ އެންމެ ފަހަރަކުވެސް އިޔާންގެ މޫނަށް ބަލައެއް ނުލިއެވެ. ރީއާއާއި ވާހަކަ ދައްކަން ހިނިތުންވެލައިގެން އިނަސް އެހިތުގައި އަޅާނެވޭން އޭނައަށް އިޙްސާސްވެއެވެ.
ސުކޫލުން އެނބުރި އަންނަން އުޅުނު ހިނދު ގޯލްޑެން ފޯކްގެ ކައިރިއަށް މަޑުކުރަން ބުނެލީ ވެސް އިރަމްއެވެ. އޭނާ ކާރު ހުއްޓުމާއި އެކު އަމީރާ ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ބޭރަށް ނުކުމެލިއެވެ. ފަހަތުން އިރަމް ދާން ނޫޅެ ކާރުގައި މަޑުކޮށްލިއެވެ.
“އެމީ މަޖުބޫރު ކޮށްގެން މި އެރީ ކާރަށް.. ސޮރީ ދޮންބޭ.. އިނގޭ އެމީއާއި ވާހަކަ ދައްކަން ކަން ގެންނަން ބުނީ.. ހީވަނީ މިވަގުތައް އެންމެ ރަނގަޅުވާނީ އެމީއަށް ހަމަޖެހިލަން ޕީސްފުލް ޓައިމް ކޮޅެއް ދިނީމަ ކަންނޭގެ” އިރަމް ވާހަކަ ދެއްކި ނަމަވެސް، އިޔާންއަށް ސީޓުގައި ބޯ ލައްކޮށްލެވުނެވެ. އިރުކޮޅަކު އެހެން އޮވެ ލޯމަރައިލެވުނެވެ. އެއިން ބަހަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އިޔާންއަށް އެނގެނީ އަމީރާއާއި ރަނގަޅަށް ވާހަކަ ދައްކާ ނުލެވެނީސް އޭނާގެ ނަފްސަށް ހަމަޖެހުން ނާންނާނެކަމެވެ. އިރަމް ވެސް އިތުރަށް އެއްޗެއް ނުބުނެ އިނެވެ.
އެހަމަ ހިމޭންކަމުގެ ތެރޭގައި ވަނިކޮން ކާރުގެ ދޮރުފަތުގައި މީހަކު ޖަހާލުމުން އިޔާން ލޯ ހުޅުވާލިއެވެ. ބިއްލޫރި ގަނޑު ކަހާލަމުން ބަލައިލިއިރު ބޭރުގައި މަޑޫކޮށްލައިގެން ހުރި ސަދަފްއެވެ. އޭނާ ފެނުނު ބުމަ އަރުވާލާފައި ހީލިއެވެ.
“މީހަކު މިތަނަށް ވަދެދާނެތީތަ ތި އޮންނަނީ ކާރު ހުރަސްކޮށްގެން؟”
ސަދަފްގެ ޖުމްލަ އަޑު އިވި އިޔާންގެ ތުންފަތުގައި ވެސް ދުވެލީ ހިނިތުންވުމެކެވެ. ކާރު މަޑުކޮށްލައިގެން އޮވެވުނު ތަން ވެސް ރެއަކާލީ ސަދަފް އެހެން ބުނުމުންނެވެ.
“މި އެމީ ޑްރޮޕް ކޮށްލަން އައިސް.. ކޮފީއަކަށް އަރަން ދާން ގުޅަން ވެގެންނޭ މިއުޅެނީ” އިޔާން ޖަވާބު ދިނެވެ. ސަދަފް ވާހަކަ ދައްކަމުން ދިޔަ ގޮތުން ކާރު ތެރޭގައި އިރަމް އިން ކަން ނޭނގޭކަން އިޔާން ދެނެގަތެވެ. އޭނާ ވެސް ބުނާކަށް ނުހަދައެވެ. ހިސާބަކަށް ހިނިއައިސް ހުރެފައި ސަދަފްގެ ގާތު މަޑުކޮށްލުމަށް ބުނެ، ޕާކް ކުރާނެ ތަންކޮޅެއް ހޯދައިގެން ޕާކު ކޮށްލިއެވެ. މަސައްކަތް ނިމިގެން ސީޓު ބެލްޓު ނައްޓާލާފައި އިޔާން ފަހަތައް އެނބުރި އިރަމްގެ މޫނަށް ބަލައިލިއެވެ.
“އިރޫ، ހިނގާ އެއްޗެއް ކާން .. ” އަމީރާގެ ހިޔާލްތަކައް ގެއްލި ހުސްވެފައި ހުރިނަމަވެސް އިރަމްގެ މޫނުމަތީގެ ކުލަވަރު އެވަގުތު ހުރިގޮތް ފެނި ނުހީ ނުހުރެވުނެވެ. އަނގަހުޅިވި ދެލޯ ބޮޑުވެފައި ހުރި އިރު، އެއްފަހަރު ބޭރުން ފެންނަމުން ދިޔަ ސަދަފްގެ މޫނަށް، އަދި އަނެއް ފަހަރު އިޔާންގެ މޫނަށް ބަލަމުންދިޔައެވެ.
“ވަޓްސް ގޮއިންގް އޮން؟” އިޔާން ހޭންފެށިތަން ފެނި އިރަމްއަށް ނާހާލާ ނުހުރެވުނެވެ. އިޔާން ރައްދު ނުދީ ކާރުން ފޭބީ ސަދަފްއަށް ލަސް ވެދާނެތީއެވެ. އިރަމް ކުޑަކޮށް ތުންފަތް އަނބުރާލުމަށްފަހު، އެންމެ ފަހުން މަޖުބޫރުވެގެން އިޔާންގެ ފަހަތުން ކާރުން ފޭބިއެވެ.
ކާރުން ފޭބި އިރަމް ފެނި ސިހިފައި ސަދަފްއަށް ހުރެވުނެވެ. އިޔާންއާއި ވާހަކަ ދައްކާފައި އައި އިރުވެސް އެތެރޭގައި އިރަމްއިން ކަމެއް އޭނާ ނުދެނެ ހުއްޓެވެ. އެ ހިނދުކޮޅުގެ ތެރޭގައި، އިރަމްގެ އެ ފުރިހަމަ ރީތި ސޫރަ ފެނި، ސަދަފްގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލުމަށް އޭނާގެ ނަފްސު ނުކުޅެދުނެވެ. އަމިއްލަ ހިތަށް ވެފައިވާ ވަރުގަދަ ވައުދުތަކުގެ މަތިން ހަނދާން ނެތި، އެ ފުން ބޮޑު ދެލޮލުގެ ތެރެއަށް އޭނާއަށް ޣަރަޤުވެވުނެވެ. ނަމަވެސް ތެޅިގަނެފައި އިސްޖަހައިލީ އިޔާން ކައިރިއަށް އަންނަން ފެށުމުންނެވެ. ހިތުގައި އުތުރި އަރަމުންދިޔަ ޖަޒުބާތުތައް މޫނުމަތިން ފާޅުވެދާނެތީ، ބާރަށް ހިންދިރުވާލިއެވެ.
”އައި އޮންލީ ނީޑް، މްމްމް އައިސްކޮފީއެއް.. ” އިޔާންގެ ފުރަގަހަށް ވަންނަމުން އިރަމް ވާހަކަ ދެއްކީ ހަމައެކަނި އިޔާންއަށް އިވޭހާ މަޑުންނެވެ. އެހެން ހުރެ ވެސް ކަޅި އުކެމުން ދިޔައީ ސަދަފްއަށެވެ. ރަސްމީ ހެދުމުގައި ހުރި އިރު ހާދަ ފުރިހަމައެވެ. ކަޅުކުލައިގެ ގަމީސް މުލައްދަނޑިއާއި ހަމައަށް އޮޅާލާފައި އޮތް އިރު ވަރުގަދަ ދެއަތް ފެނި އިރަމްއަށް ތުންފަތުގައި ދަތް އަޅުވާލެވުނެވެ. ނަމަވެސް ދެރަވީ އެއްފަހަރުވެސް އިރަމްގެ މޫނަށް ސަދަފް ބަލައި ނުލުމުންނެވެ.
“ލެޓްސް ގޯ، ތިއްތިބެ ވެސް އާދެބާލާށޭ ބުނެގެންނާ އެއްކޮން މިއައީ.. މާ ރަނގަޅަކަށްނު މިދިވީ” އިރަމް ހުރިކަމަށް ވެސް ހަދާނުލާ އިޔާންއާއި، ސަދަފް ވާހަކަ ދެއްކިއެވެ.
“ރީއްކޮ ގޮވައިގެން ސުކޫލަށް ދިޔަގަޑީގަ އިން ގުޅާފަ.. މެސެޖްކޮށްފަ ވެސް ހުރި .. ބަލައެއް ނުލަން.. ކަމެއް ވީތަ؟”
“އާން ކަމެއް ވެގެންނޭ އުޅެނީ.. މަ ރޭގަ ގުޅަން ވެސް އުޅުނީން.. ދެން އެނގެއެންނު ތިއްތިބެއަށް ކާކުގެ އުނދަގުލެއްކަން ޖެހޭނީ.. އަނެއްކާ ވެސް އެކަންތައް” ސަދަފް ބުނެލިއެވެ. އިޔާން ސުވާލު އުފެދުމުން ނިތައް ރޫ އަރުވާލައިގެން ހުރެ ކިހިނެތްތޯ ވީ އެހިއެވެ. ވާހަކަ ފަށަން އުޅެފައި ވެސް ވިޝާމްގެ ގާތައް ދެވުނީމަ ދޯ ވެއޭ ސަދަފް ބުނެ މަޑު ޖައްސާލީ ފޯނު ކޯލެއް އަންނަން ފެށުމުންނެވެ.
”ޓޭކް އަވޭ” ސަދަފްގެ ފަހަތުން އިޔާން މިސްރާބު ހުރީ ވިޝާމް އިށީންދެލައިގެން އިން މޭޒަށެވެ. ނަމަވެސް އެމީހުންގެ ތެރޭގައި އޭނާ ގޮސް އިށީނުން ރީތި ކަމަކަށް ނުވާނެތީ އިރަމް، އިޔާންގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ކީއްތަ ވީ؟ އާދެބަލަ، ރަނގަޅުވާނެއޭ..” އިޔާންއަށް މާ ބޮޑު ކަމަކަށް ވީ ހެންނެއް ހިއެއް ނުވެއެވެ. ބުނެލީ ވެސް އެހާ އާދައިގެ ގޮތަކަށެވެ. އަނެއްކޮޅުން، ވިޝާމްއަށް ވެސް އޭނާ ފެނިގެން، ހީލައިގަތް އިނދެ މާ ދުރުން އަތް ހޫރުވާލިއެވެ. އެދެމީހުންގެ ކުރިމަތީގައި ކޮންމެ ފަދަ ސަކަރާތެއް ޖެހުމަށްވެސް އިރަމްއަށް ކެރިދާނެއެވެ. ނަމަވެސް މައްސަލައަކީ ސަދަފްއެވެ.
މިއަދު މި ފެންނަ އަޖައިބު ކުރުވަނިވި މަންޒަރުން އިރަމް އިނީ ރަނގަޅަށް ވެސް ކޮސްވެފައެވެ. އިޔާންގެ އަތުގައި ހިފާލައިގެން އިރަމް ގޮސް އިށީނީ ވިޝާމް އާއި ދެމީހުންގެ މެދުގައި އިން ގޮނޑީއެއްގައެވެ. އެއަށްފަހު ފޯނާއި ކުޅޭކަމަށް ހެދިގެން ޑިސްޕްލޭގައި އިނގިލި ކާއްތާލަ ކާއްތާލަ އިނެވެ. ސަދަފް އެހުރިހާ އިރު ގުޅައިގެން ހުރި މީހަކު ފޯނު ބޭއްވުމުން އައިސް އިށީނީ އިރަމްގެ ކުރިމަތީގައެވެ. އޭނާގެ މޫނަށް ބަލައިލި އިރުވެސް އެބެލުމުގައި އެއްވެސް އަސަރެއް ނެތެވެ. އިހްސާސްވީ ދުރުކަމެވެ. އިރަމްގެ ހިތައް އެކަމުން ނުހަނު އުނދަގޫވަމުން ދިޔައެވެ. އިޔާންއާއި ވިޝާމް އަމިއްލަ ވާހަކައެއް ދައްކަމުން ދިޔައިރު ދޭތެރެއަކުން ސަދަފް ވެސް ބައިވެރިވިއެވެ. ތިން ފިރިހެންނުންގެ ތެރޭގައި އޭނާ އިނީ ހިސާބަކަށް ފޫހިވެފައެވެ. އަނެއްކޮޅުން އެމީހުން އެ ދައްކަމުން ދިޔަ ވާހަކައެއް އޭނާއަކަށް ނުވެސް އެނގެއެވެ.
“މި ދޮންބެ ގާތު ޓޭކް އަވޭ އޭ ބުނީމަ ވެސް، އަދި ބައިންދައިފިއޭ” އިރަމް އަމިއްލަ ނަފްސަށް އިވޭވަރަށް ކުދި ކިޔާލިއެވެ. ފޯނަށް ގެއްލިގެން އިނދެވެސް ސަދަފްގެ މޫނަށް އިރަމްގެ ކަޅި ހުއްޓޭލެއް މަދެއް ނުވިއެވެ.
“އޭއީ، އައި ވޮނަ ގޯ” އިރަމް މަޑުމަޑުން އިޔާންއަށް އިވޭ ވަރަށް ބުނެލިއެވެ. ސަދަފް އޭނާއަށް ފާޅުގައި ބަހައްޓަމުން ދިޔަ ދުރުކަން ފެނި ހިތައް ކެތެއް ނުވިއެވެ. ކިތަންމެ ވަރަކަށް މެސެޖް ކޮށް ހަދަން ބޭނުންވިއަސް އެކަމެއް ވެސް ވާކަށް ނެތެވެ. އަދިވެސް އޭނާގެ ނަމްބަރު ސަދަފް ‘އަންބްލޮކް’ ކުރާކަށް ނޫޅެއެވެ. ހަމަ ހަގީގަތުގައި ވެސް ސަދަފް ބޭނުންވަނީ އެދުރުކަން ބަހައްޓަން ކަން ގަބޫލުކުރުމަށް އިރަމްއަށް ޒާތަކަށް މަޖުބޫރުވިއެވެ. އިޔާން ބޯޖަހައިލުމުން ގެނެސް ހުރި އައިސްކޮފީ ތަށި އެއް ނޭވާއިން ދަމާލިއެވެ. ދެލޮލުގައިވީ ތެތްކަމާއި އެކުގައި ވެސް ހިންދިރުވާލާފައި އިރަމް ތެދުވެލިއެވެ.
“އޭ އެބަ އަންނަން އިރޫ ގެއަށް ވައްޓާލާފަ.. ތިމީހުން ތިބޭނަން ދޯ” އިރަމް ތެދުވަތްތަން ފެނިގެން އިޔާންވެސް ތެދުވެލިއެވެ.
“ނޫން ދޮންބެ މަޑުކުރޭ.. އިރޫ ތާކަށް ދާން ޖެހޭ އެބަ .. ކޮލެޖް ކަމަކު” ސަދަފް އަށް އިވިދާނެތީ އިރަމް ވާހަކަ ދެއްކީވެސް ކިރިޔާ އިޔާންގެ ކަންފަތައް ފޯރާވަރަށެވެ.
“ނޫނޭ..”
“ދެން ދޮންބޭ އަބަދަކު ނޫޅެވޭނެ އެންނު ފިލައިގެންނެއް ގެޔަކު.. މަގުމައްޗަށް އެކަނި ވެސް ނުކުންނަން ވާނޭ” އިޔާން މަނާކުރުމުން އިރަމް ދެކޮޅު ހެދިއެވެ. ވަރަށް ނުފޮނުވަން އުޅެފައިވެސް އިރަމް ދިއުމަށް އިޔާން އެއްބަސްވީ ހިތާއި ދެކޮޅަށެވެ.
“ކޮބާ އެމީއާއި ދެމީހުން ކަމެއް ވެގެން ދޯ ތިއުޅެނީ؟” ސަދަފް އަނގަހުޅުވާލީ އިރަމް ލޯމަތިން ގެއްލުމުންނެވެ. އޭރުވެސް ކަޅި ހުއްޓިފައި ހުރީ އެދޮރަށެވެ. އެ މޫނަށް ނުބަލާ އިންނަމަވެސް ކަޅި ޖަހައި ނުލާ ސަދަފްގެ މޫނަށް އިރަމް ދެމުން ދިޔަ ނަޒަރު ފާހަގަވިއެވެ. އަދި އޭނާގެ ފުށުން އަޅައިލުމެއް ނުބެހެއްޓުމުން އެދޮލަށް ގިނަވި ކަރުނަތައް ވެސް ސާފް ކޮން ފެނުނެވެ. އެކަމުން ވެސް އޭނާގެ ހިތައް ހަމަޖެހުމެއް ނުލިބުނެވެ. އެގޮތުގައި އިރަމް ދެރަ ކޮށްލުމުން އެކަމުގެ އުނދަގޫ އަމިއްލަ ހިތައް ކުރަމުން ދިޔައީ ނުބައިގޮތަކަށެވެ. ނުހަނު ބޮޑަށް ހިތުގައި ވޭން އަޅަމުން ދިޔައެވެ.
“ކިހިނެތް އެނގުނީ؟” ކުރިމަތީގައި ހުރި ކޮފީ ގޯޑުގެ އަރިމަތީގައި ފަށުގައި ޝަހާދަތް އިނގިލި ހިންގާލަމުން އިޔާން ދޫކޮށްލީ ނުތަނަވަސް އެހެނަސް ފުންނޭވާއެކެވެ. ކައިރީގައި އިރަމް އިނުމުން ފޮރުވާލާފައި ހުރި އިހްސާސްތައް އެނބުރި އެމޫނަށް ވެރިވެގެން ދިޔައިރު އެ ކަންތައް އެކުވެރިންނަށް ފާހަގަވީތާއޭ ހިތައް އެރިއެވެ.
“އެމީވެސް ވަރަށް ގޮތަކަށް ހުރީ .. އަހަރެމެން ދެމީހުން ގޮވާލީމަ ވެސް ބަލާލާފަ ބޯޖަހައިލި.. އެހެންޏާ ސްމައިލް ދޭ ކުއްޖެއްއެއީ، ކިތަންމެ ދެރަވެފަ ހުއްޓަސް… މިބުނީ ތިދެމީހުން ކުރިން ޖެހި ސަކަރާތުގަ ވެސް އެމީ އެތެރެއިން ފުނޑޭއިރުވެސް ހުންނާނީ ރީތި ސްމައިލް އެއްގަ… ކަމަކާއި ވަރަށް ދެރަ ވެފަ ހެން ހީވެ މިއަދު” ޖަވާބު ދިނީ ވިޝާމްއެވެ. އެވާހަކަތަކުން ހިތައް ވަތް މޮޅިވެރިކަމުން އިޔާންއަށް ދުރު ބަލައިލެވުނެވެ. އިރުކޮޅަކު އިނދެފައި ހިނގައިގެން އުޅޭ ހާދިސާ ކިޔައިދިނެވެ. ދެމީހުންގެ މޫނުމަތިން ހައިރާންކަމާއި ރުޅިވެރިކަމުގެ ކުލަ ނޫން އިތުރު ކުލައެއް ނުފެނެއެވެ.
“ވަޓް؟ ޔަނާލް؟ ދެޓް ބިޗ**؟؟ އެންޑް ބުރޯ، އޭނާ ތިގޭގަ ބެހެއްޓީ؟ އެވެސް އެމީއަށް ފެންނަ ހިސާބުގަ؟ ޔޫ އިންސޭން؟”ސަދަފް އަކަށް މަޑަކުން ނީނދެވުނެވެ. އޭނާގެ އަޑުވެސް ބާރެވެ. ޔަނާލްއަކީ ކާކުކަން އިޔާންއަށް ހަމަ ނޭނގެނީ ހެއްޔެވެ.
“އިޔާން ކޮން އިރަކުތަ ތިހާ މޮޔަ ވީ؟ ކީކުރާނަމޭ ހިތާތަ ތިއުޅެނީ؟ ތިއީ ރޭގަ އެމީއަށް ޕްރޮޕޯޒް ކުރަން އުޅުނު މީޙާތަ ހަމަ؟ ކިހިނެތް އެނގެނީ ފޯޖް ކޮށްގެން އޭނާ އުޅޭ ރިޕޯޓް ތަކެއް ނޫން ކަމެއް ވެސް އެއީ” ވިޝާމްއަށް ވެސް ދެފަޜާތައް ބޯހޫރުވާން ފެށުނެވެ އިސްތަށިގަނޑުގެ ތެރެއަށް އަތް ވައްދާލެވުނު އިރު އޭނާގެ ބޯވެސް ހާސްވެއްޖެއެވެ. އަމީޜާއާއި މެދު ހިތްހަމްދަރްދީ އިން ފުރުނެވެ.
“ތިމީހުން ހީކުރީ އެ ލިއުން ދެއްކީމަ ހަމަ ވަގުތުން މަ ގަބޫލު ކުރީއޭތަ.. އޭނަ ހުރިގޮތުން.. ދެން ހުރިހާ ލިއުމެއްގަ އޮތީ މުޅި ދުނިޔެ ދަންނަ ހޮސްޕިޓަލެއްގެ ނަމާއި މުޅި ދުނިޔެ ދަންނަ ޑޮކްޓަރެއްގެ ސޮއި… އެއީ އޭނާއަށް ފައިސާ ދީގެން ވެސް ވާނެ ކަމެއް ނޫން… އެހުރިހާ ކަމެއްގެ ތެރެއިން ވެސް އޭނާ ގުނަމުންދަނީ ހަޔާތުގެ ފަހު ދުވަސްތައް ކަމަށް ގަބޫލު ކުރެވުނީ އެ ހަށިގަނޑު ހުރިގޮތް ފެނުނީމަ.. އަހަރެން ވެސް ބޭނުމެއް ނޫނޭ އޭނަ ގެނެސްގެން ގެންގުޅޭކަށް.. އެވެސް އެމީގެ ކުރިމަތީގަ.. އެކަމަކު ރީއްކޮއަށް ވެވޭ އިޙާނެތި ކަމެއް މައިމީހާއަށް ވިސްނިގެން ގާތުގަ ހުރެލަން އައީމަ އެކަމާއި ދެކޮޅަށް މަ ނުކުތުން..” އިޔާން މަޑުމައިތި އަޑަކުން ޥާހަކަ ދެއްކިއެވެ. ނަމަވެސް ސަދަފް އަދި ވިޝާމްގެ މޫނުމަތިން ވެސް ރުޅިވެރިކަން ފަނޑުވިތަނެއް ނުފެނެއެވެ.
“ދެން ބުރޯ ވާނެ ފަހު ދުވަސްތައް ގުނާ އެންމެން ތިގެޔަށް ޖަމާކުރަން.. އެހެންޏަ، ތި ވަދެވެނީ އަނެއްކާ އަނެއްކަމުގެ ތެރެއަށް! މިފަހަރު މަށެއް ނުހުންނާނަން އެމީއަށް ދެރަ ގޮތެއް ވާ ތަން ދެކޭކަށް .. އަހަންނަކަށް ނުވެސް ހުރެވޭނެ.. އަމިއްލައަށް ރީތި ބޮނޑިއެއް ބޯން ތި އުޅެނީ” ވިޝާމް ވާހަކަ ދެއްކި އިރު އެއްފަހަރުވެސް އިޔާންގެ މޫނަށް ބަލައިނުލައެވެ. އޭނާ އިނީ އެހާ ވެސް ރުޅިގަދަ ވެފައެވެ.
“ދެން ރީއްކޮ ވަރަށް ލައިކް ވޭތަ ޔަނާލް ދެކެ؟” ސަދަފް އަހައިލީ ޖެއްސުމަށެވެ. އެކަން ވިސްނިގެން އިޔާންގެ ގާތައް އެ ނުވަގުތުވެސް ހިނި އަންނަ ގޮތްވިއެވެ.
“އަދިވެސް ހެނީ؟ ޔަނާލްދެކެ ރީއްކޮ ލައިކް ވޭހޭ!”
“ނުވޭ.. އެމީ ދެކެ ލައިކް ވާ ވަރަށް އެކަކު ދެކެވެސް ރީއްކޮ ލައިކެއް ނުވާނެ.. ކޮންމެ ކޮންމެ މީހަކު މިހެން އަޔަސް މަށެއް ނުބަހައްޓާނެ އެންނު .. އެކަމަކު ޔަނާލް އެއީ ރީއްކޮގެ ބަނޑު އަޅާ ވިހޭ މައިމީހާ ވީމަ އެއެދުން ފުރިހަމަ ނުކޮށްދީފިއްޔާ އަހަންނަށް ވެސް ފާފަ ވެރިވެދާނެ.. ހަމަސް ދުވަސް އަހަރެން ދިނީ.. އޭނައަކަށް ނާދެވޭނެ އަހަރުން ބަޔަކަށް ކޮންމެ ކޮންމެ ވަގުތަކު.. ބުނެފަ އިންނާނެ ވަކި ވަގުތެއް، އެއީ ހަމައެކަނި ރީއްކޮގެ ގާތައް އާދެވޭނެ ވަގުތަކީ.” ހަމީދުގެ ކުރިމަތީގައި އޭނާ ދެކޮޅު ހެދިވަރު އިޔާން ކިޔައިދިނުމުން ދެމީހުންގެ ރުޅި ފިނިވާ އަތައް އެޅިއެވެ. އެކަމާއި ވިސްނާލެވުނެވެ. އިޔާންގެ މަގާމުގައި އެއިން މީހަކު ހުރި ނަމަވެސް އެންމެ ފަހު ވަގުތު ކަންތައް ކުރެވޭނީ އެހެން ކަންނޭގެއެވެ. އިޔާން ދެއްކީ ހުސް ތެދު ވާހަކައެވެ. އެ ނިންމުންތައް ނިންމަން އުނދަގޫވަރު އިޙްސާސްވާނީ އިޔާންއަށެވެ. ދެޒުވާނުންގެ މާޒީގައި ހިނގާފައި އޮތް ހާދިސާގެ ސަބަބުން ވެސް އެކަމާއި ހާދަ ވިސްނާނެއެވެ. އަމީރާ ދެކެ އިޔާން ވާ ލޯބި އެއީ ގައިމުވެސް އެއިން މީހަކަށް އޮޅޭނެ އެއްޗެއް ނޫނެވެ.
”ކީކޭ ދެން ބުނާނީ ވެސް.. އެކަމަކު އެމީއަށް ތި މަންޒަރު ދައްކަން ބެހެއްޓިމަށް ވުރެން ރަނގަޅު ވާނެ އެހެން ތާކަށް ޗޭންޖް ކުރުވުން ވެސް” އަމީރާއާއި މެ ވިސްނުން ހިންގާލެވުމުން ސަދަފްއަށް ނުހަނު ފުން އަސަރުތަކެއް ކުރިއެވެ.
“ނޯ ވޭ!..ނޫންން ނޫން.. އެމީ ހުންނާނީ ގޭގަ! އެމީ ހުންނާނީ މަށައް އެމީ ފެންނަ ހިސާބު ކައިރީގަ! ކުރިމަތީގަ!.. އައި ކޭންޓް ލެޓް ހަރ ގޯ! އެނީވެއަރ އެލްސް… އައި ޖަސްޓް ކޭންޓް” އިޔާން ވާހަކަ ދެއްކި އިރު އެއަޑުގައިވީ ރިހުމެވެ. މާޔޫސްކަމެވެ. ދެރައެވެ. ކޮންމެ ލަފްޒަކުން ވެސް އަމީރާ ދެކެ ވާ ލޯބި ސާފެވެ. ދެލޮލުގައިވީ ކަރުނުތައް ، އެ ލޯބި އެއީ ތެދުވެރި އިޙްސާސެއްކަން ބުނެދެއެވެ. ހިތް ފިއްތާލާ ފަދަ ނުތަނަވަސްކަމެއް އިޙްސާސް ކުރެވެމުން ދިޔަ ހިނދު، ބޭއިޚްތިޔާރުގައި ދެއަތް މަހާލެވުނީ އޭނާގެ ހާސްވެފައިވާ އިސްތަށިގަނޑުގެ ތެރެއަށެވެ. މޭޒުގައި ބޯޖަހައިލެވުނީ ކުޑަވެސް ހަމަޖެހުމެއް ހިތައް އިޙްސާސްވޭތޯއެވެ.
****
އަތުގައި އޮތް ފައިލްއެއް ހިފައިގެން ބަދިގެ ހުންނަ ބަޔަށް ޒަންޔާ އަރައިގެން އައީ މަންހާ ހޯދާށެވެ. އެއީ ކޮންމެހެން ވެސް މަންހާއާއި ހަވާލު ކުރަންޖެހޭ ފައިލެއް ކަމުން ކިތަންމެ ފޫހިވެފައި ހުރެވެސް އޭނާ ބެލީ އެ ހަވާލު ކޮށްފައި އަވަހަށް ދެވޭތޯއެވެ. އެތެރެއަށް ވަތް އިރު އާމިލާ ވެސް މަންހާއަށް ގޮވަމުން އެބަޔަށް އައިސް ވަދެއްޖެއެވެ.
ޒަންޔާ ފެނުމުން އާމިލާ އެއްވެސް ވަރަކަށް ފަރުވާލެއް ނުބެހެއްޓިއެވެ. އަނގައިން ނުބުނިތާ އިތުރަށް ބަލައިވެސް ނުލިއެވެ. ވީ ދެރައިން ދެލޮލަށް ކަރުނަތައް ޖަމާވާން ނެގީ ފަޅި ސިކުންތެވެ. ނަމަވެސް މަސައްކަތުގެ މާހައުލުކަމުން އެކަން އިތުރު މީހަކަށް ފާހަގަ ވެދާނެތީ ހިތްވަރު ކޮށްފައި ކަރުނަތައް އޮއްބާލިއެވެ. އާމިލާގެ ފަހަތުން އެތެރެއަށް ވަތްއިރު ސްޓާފް އޭރިއާގައި ހުރި ސޯފާ ތަކުން ސޯފައެއްގައި ނިކަން ހަމަ ޖެހިލާފައި އޭނާ އިނެވެ. އެހާ ބުރަ ވަގުތެއްގައި މަންހާ އެހާ ހަމަޖެހިގެން އިނުމުން ޒަންޔާ ހައިރާން ވިއެވެ. އެވަގުތުވެސް ބަދިގޭގެ ތެރޭގައި އެންމެންހެން އެކި މަސައްކަތް ތަކުގައި އަވަދި ނެތި ދިޔައީ އުޅެމުންނެވެ.
“މަންހާ.. މިއޮތީ ފައިލް..ކިޗެންއަށް ގެނައުމަށް ބުނެ މިކޮޅުން ދިން ލިސްޓު ބަލާފަ އެޕްރޫވް ކޮށްފަ މިއޮތީ.. ޗެކް ކޮށްލާށޯ އެއްޗެއް މަދު ތޯ.. ދެން އަދިވެސް އިތުރު އެއްޗެއް ބޭނުން ވާނަމަ އެޑް ކޮށްލެވޭނެ”މަންހާގެ ގާތައް ހުއްޓިފައި ޒަންޔާ ދިއްކޮށްލީ ގެނައި ފައިލެވެ. އޭރު އާމިލާ ވެސް އައިސް ހުއްޓެވެ. އޭގަ ހިފާފައި މަންހާ ބަލަހައްޓާއިގެން ހުއްޓެވެ.
“އޯކޭ ތަ؟ އެނގިއްޖެ ދޯ މިބުނި އެއްޗެއް؟” ފައިލްއަށް ބަލާލާފައިވެސް މަންހާ ލައްޕާލި ގޮތުން ޒަންޔާއަށް އެހުނެވެ.
“ޒަންޔާއަކަށް ނުކުރެވޭތަ ތި ވަރުގެ ކަމެއް؟ ކޮންމެ ކަމެއް ހަމަ ގެނެސް މަންހާގެ ބޮލަށް ތިޔަ ޖަހަނީ؟” ޒަންޔާ ސިހުނީ އާމިލާގެ ރައްދުންނެވެ. ގަތް ލަދުން މޫނު ރަތްވިއެވެ. އެހާމެ ބޮޑަށް ހިތުގައި ވެސް ޖެހޭގޮތް ވިއެވެ.
“މަންމާ މިއީ، ބަދިގޭގެ ހުރިހާ ކަމެއް އެސިސްޓް ކުރަން ހުންނަ މީހާގެ ޒިންމާ އެއް.. އެއީ މަންހާ އަދާކުރާ ވަޒީފާ.. އެހެންވެ-”
“ހެވޭ ދެން.. މަށަކަށް ކިޔައިދޭނެ ކަމެއް ނެތް.. ޒަންޔާއަށް ވާ ވަރުގެ ކަންކަން އަމިއްލައަށް ކޮށްބަލަ .. ކޮންމެހެން މަންހާ އެސިސްޓް ކުރާތީއޭ ބުނެފަ އެކަން ނުޖެހޭނެ މަންހާ ބޮލަކަށް ޖަހާކަށް.. ތިހާ އީޒީ ކޮން ވަޒީފާ އަދާ ކުރާ އަންހެނެއް މިތާގަ ނޫޅޭ.. އަބަދު ވިޝާމްގެ ފޫބުޑުގަ ހުރީމަ ކޮމްޕެނީއަކަށް ފައިދާ އެއް ނުކުރޭ” އާމިލާގެ ރަހުމެއް ނެތް ބަސްތައް ވީ ޒަންޔާގެ ހިތުގައިވާ ރޯ ފާރުގަނޑުގައި ލެވުނި އިތުރު ޒަހަމަކަށެވެ. ލޮލަށް ކުޅަދާނަ ނުވާ މިންވަރަށް ކަރުނަތައް ޖަމާވެގެން ދިޔައިރު ނުހަނު މަސައްކަތުން ހިންދިރުވާލެވުނެވެ. އިތުރު ބަހެއް ބުނާނެ ހިތްވަރުވެސް ނެތުމުން، ބޯޖަހާލާފައި މަންހާގެ އަތުގައި އޮތް ފައިލް ހިފައިގެން އެނބުރި ނުކުންނަން ދިޔައެވެ.
ޒަންޔާ ފެންކަޅިވެފައި ހުރެ ނުކުތް މަންޒަރު ބަލަން ހުރި އާމިލާގެ ހިތައް އުނދަގޫ ވެސް ވިއެވެ. ނަމަވެސް މިފަހަރު އޭނާ ހުރީ ގޮތުގައެވެ. މިހުރިހާ ދުވަހަކު ޒަންޔާއާއި މެދު އޭނާ ދެކެމުން ދިޔަ ގޮތް މުޅީންހެން މިހާރު ވަނީ ބަދަލުވެފައެވެ. ބަސްމަދު ހިތްހެޔޮ އަންހެން ކުއްޖާއާއި މެދު އޭނާ ދެކުނީ ދަރިއެއް ފަދައިންނެވެ. ދުވަހަކުވެސް ވިޝާމް އޭނާގެ މޫނުމަތީގައި ބާރަށް ބަހެއް ނުބުނާ އިރު އެ ރިކޯޑް މުގުރާލަން ޖެހުނީ ޒަންޔާގެ ސަބަބުންނެވެ. ވީ އިރު އެއީ ދުވަހަކުވެސް އާމިލާގެ ނަޒަރުގައި މާފް ހައްގުވާ ވަރުގެ އަންހެންކުއްޖެއް ނޫނެވެ. ދުވަހަކުވެސް ޒަންޔާއަށް ހިތްހެޔޮ ނުކުރަން އާމިލާ ހިތުގެ އަޑިން ވަނީ އަޒުމު ކަނޑައަޅާފައެވެ.
މަންހާއާއި ދިމާލަށް އާމިލާ ބަލައިލި އިރު އެ ތުންފަތުގައި ދުވެލަ ދުވެލަ ހުރި ހިނިތުންވުން ފެނި އާމިލާގެ ނިތައް ރޫ އަރައިފިއެވެ.
“މަންހާ ވެސް ހޭނެ ކަމެއް ނެތް.. އޭނައާއި ދިމާލަށް އެހެން ބުންޏަސް އެއީ މަންހާގެ ޒިންމާއެއް.. ތިތާގަ ތިހެން އަރާމު ކުރަން ބައިންދާކަށް ނޫން ވަޒީފައަށް ގެނައީ.. ޒަންޔާގެ ގައިގާ ވައްތަރެއް ހުއްޓަސް އެ ފެންވަރަށް މަސައްކަތް ކުރަން ޖެހޭނެ .. މިތާގަ އާއިލާއެއް ނޯންނާނެ، އެންމެން ވެސް މަސައްކަތް ކުރަން ޖެހޭނެ! ތިހެން އަތުންފައިން ކަމެއް ނުކޮށް ދެފައި ދަމަން ބޭނުން ވަންޏާ ރިޒައިން ލާފަ ގެއަށް ދިޔައީމަ ރަނގަޅުވާނެ… ދޮންތަ މިއައީ ވާހަކަ އެއް ދައްކަން ވެގެން.. މިދެދުވަހު ގޭތެރޭގެ މަސްލަހަތު ގެއްލިފަ އޮތީމަ މިހެން އަހަން ވެސް ނޫޅެވި މިހުރީ… ” ވާހަކަ ދައްކަމުން ގޮސް ވެސް ޒަންޔާއަށް ތައުރީފް ނުކޮށްލާ އާމިލާއަކަށް ނުހުރެވުނެވެ. މަންހާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުން ފަނޑުވެފައި ހުރިއިރު މިހާރު ފެންނަން ހުރި ޖެހިލުންވުމުގެ ކުލަވަރެވެ.
“ކިހިނެތް ވީ ދޮންތާ؟”
“މަންހާ ދޮގު ނުހަދާ ތެދަށް ބުނާތި، މިދިޔަ ހަފްތާގެ އަންގާރަ، ބުދަ، ބުރާސްފަތި.. މި ތިން ދުވަހު ކޮންތާކު އުޅުނީ؟ ގައިމުވެސް އޮފީހަކަށް ނާދޭ!.. އެހެންވީމަ ދޮގު ނުހަދާތި!” އާމިލާގެ ސުވާލު އިވި މަންހާއަށް ތެޅިގަނެވުނެވެ. އެހާ އަވަހަށް ނިތްކުރިން އޮތްދާ ހިތްލާ ލައިފިއެވެ.
“ކަ..ކާކު ބުނީ އަހަރެން ނާދެއޭ؟”
” ބުނި މީހެއް ނޫނެއްނު ބަލަންވީ.. ކޮންތާކު އުޅުނީ އޮފީހަށް ނައިސް؟ އިއްޔެ ވެސް ނާންނަމެންނު.. ކުރީ ދުވަހު ކުއްޖަކު ފުށުން އިވިފަ ހުއްޓަ ދެންމެ އެހެން ކުއްޖަކު ބުނި މަންހާ އިއްޔެ ވެސް ނާންނަ ވާހަކަ.. އެޓެންޑެންސް ބަލައިލި އިރު މި މަހު އައި ދުވަސްތަކައް ވުރެން ނާންނަ ދުވަސްތައް ގިނަ..”އާމިލާގެ މޫނުމަތީގައިވީ ސާފު ހަރުކަށިކަމެވެ. ހިތްހަމަ ނުޖެހުމެވެ. ހަށަމް ބަދެލައިގެން ހުރިއިރު މަންހާގެ ޖަވާބަކާއި ނުލާ އޭނާގެ ސުވާލުތައް ނުހުއްޓާނެކަން ދޭހެވެއެވެ.
“އާން، ބަލިވެ ނާދެވޭ ބައެއް ދުވަސް ދުވަހު”
“މަންހާ ތިއީ މަހާއްކޮއަށް ވުރެން ހެލްތީކޮން ހުންނަ ކުއްޖެއް.. ބަލިވެ އުޅޭނަމަ ޝާއިރާ ވެސް ގޭގަ މަޑުވާނެ.. ޑޮކްޓަރަށް ވެސް ދައްކަން ދާނެ..ކިހިނެތް ވަނީ؟”
“ދިޔައީމޭ ޑޮކްއަށް ދައްކަން.. ގައިގާ ރިއްސަނީ..” ދެތުންފަތް ފިއްތާ ބާރުކޮށްލި އިރު ދުވަހަކު ލަދު ނުގަންނަ މިންވަރަށް މަންހާ ހުރީ އާމިލާގެ ކުރިމަތީގައި ލަދުގަނެފައެވެ. ފުރަތަމަ ވެސް ބޭނުންވީ އާމިލާގެ ކަންފަތައް އެ ހަބަރު ފޯރުކޮށްދިން މީހެއް ހޯދުމަށެވެ. އެމީހަކު އެނގިއްޖެ ނަމަ، އޭނާގެ ދެއަތުން އެމީހަކު ނޮޅާލާނެއެވެ. އަނގަމަތީގައި ޖަހާނެއެވެ. ދެ ވަނަ ފަހަރަށް އޭނާގެ ހަބަރެއް އާމިލާއާއި ހިސާބަށް ގެނެސްދިނުމަށް ނުކުޅެދޭ ވަރު ކޮށްލާނެއެވެ. ރުޅިގަދަވެގެން ދިޔައިރުވެސް ކެތްތެރިވެގެން ހުއްޓެވެ.
“ތިއީ ކަންނެތް ބަލި! ބޭހުން ރަނގަޅު ވާނެ ކަންކަން ތިހުންނަނީ! އެއްތާކަށް ދައްކައިގެން ރަނގަޅު ނުވިއްޔާ އަނެއް ތާކަށް ވެސް ދައްކަން ޖެހޭނެ! މަންހާއަށް ހަމަ ކަންކަން ކުރަން ނުކެރެނީ، ދެން މިކަހަލަ ޝަކުވާއެއް އިވިއްޖެއްޔާ ވަގުތުން ވަޒީފާއިން ވަކިކުރާނަން! ފުރަތަމަ ވެސް ހައިކަލް ބުންޏެއްނު، މިތާކު އާއިލާއެއް ނޯންނާނެއޭ.. އެކަން މަންހާ ހަނދާން ނެތުނީތަ؟ އެކަމަކު ދެން މީގެ ފަހުން ހަނދާނުގަ ބަހައްޓާތި!” އާމިލާ ދައްކާނެ ވާހަކައެއް ދެއްކުމަށްފަހު އެތަނުން ދިޔަ އިރު ވެސް މަންހާ އެހުރިގޮތައް ހުއްޓެވެ. ރުޅިގަދަވެގެން އެ މޫނަށް ހުރީ ހިސާބަށް ރަތްކުލަ ފާއްދާލާފައެވެ.
***
މޭގައި ފައިލް ލައްކޮށްލައިގެން ހުރެ ޒަންޔާ އެރީ އާއިލާއަށް ހާއްސަ ޓެރެހަށެވެ. އެއްފަރާތުގައި ހުރި ސޯފާ މައްޗަށް ފައިލް ދޫކޮށްލަފައި ރެއިލިންގް ކައިރީގައި މަޑުކޮށްލިއެވެ. އެހިސާބުން އޭނާގެ ދެލޮލަށް ޖަމާވެފައިވީ ކަރުނަތައް އޭގެ މަގާމުން ދޫކޮށްލިއެވެ. އެ ހިމޭން މާހައުލުގެ ތެރެއަށް ފަނޑު ގިސްލުމުގެ އަޑު ވެރިވެގަންނަން ގިނަ އިރުތަކެއް ނުވިއެވެ. ބޭނުންވީ ހިތުގައިވީހާ ކެކުޅުމެއް ބޭރުކޮށްލާށެވެ. އުދާސްވެފައިވާ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭނީ ވެސް އޭރުން ކަންނޭގެއެވެ. އަބަދު ވިޝާމްގެ ކުރިމަތީގައި ރޯކަށް ބޭނުމެއް ނޫނެވެ. އެހެންނޫނީ އޭނާގެ ސަބަބުން އެ އާއިލާގެ މައްޗަށް ވިޝާމްގެ ހިތް ނުބައިވެގެން ގޮސް ފާނެއެވެ. މިހާރުވެސް އޮތީ އެފަދަ ފައްތަރެއްގައެވެ. އެއީ ކުޑަކޮން ވެސް ޒަންޔާ ބޭނުންވާ ގޮތެއް ނޫނެވެ. ހުވަފެނުން ވެސް ދެކެން ބޭނުންވާނެ ކަމެއް ނޫނެވެ.
އާމިލާގެ ފުށުން ފެންނަމުން އެދާ ކަންކަމަކީ ދުވަހަކުވެސް އޭނާ އުއްމީދު ކުރި ކަންކަމެއް ނޫނެވެ. އެއްގޮތަކުން ބަލާނަމަ އޭގައި އާމިލާގެ ކުށެއް ވެސް ނެތެވެ. އާމިލާއަށް އެހެން ކަންތައް ކުރަން ފުރަތަމަ ވެސް މަޖުބޫރުވީ މަންހާ ގެ ސަބަބުންނެވެ. އެވަރުގެ ބޮޑު ތަމްސީލެއް ކުޅެ ލޯ މައްޗަށް ދެއްކި ދަޅަތަކަށް ކޮންމެ މީހަކުވެސް ހެއްލިގެންދާނެއެވެ. އާމިލާގެ މަގާމުގައި ހުރީ ޒަންޔާ ނަމަވެސް، ވެގެންދާނީ އެފަދަ ގޮތެއް ކަންނޭގެއެވެ.
އެތައް އިރަކު ރޯލުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އޭނާގެ ހިތައް ވަދެއްޖެއެވެ. ދެލޯ ފުހެލި ނަމަވެސް އެ ދެލޯ ދުޅަވެފައި ހުރިވަރުން އެ މާހައުލު ދޫކޮށް ދާކަށް ބޭނުމެއް ނުވިއެވެ. ފުރަތަމަ ވެސް ބައްދަލް ވާނީ ވިޝާމްއާއި އެވެ. ވިޝާމްގެ ސުވާލްތައް ހުއްޓޭނީ އޭނާގެ އަނގައިން ތެދު ނެރެފައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ޒަންޔާ ވަށައިގެންވީ މާހައުލަށް ކަޅި ހިންގާލިއެވެ. އިރުއޮއްސެމުން ދިޔަ ވަގުތައް ވެފައި، ބަނަ ވިލާ ކޮޅުތައް ވެސް އުޑުމަތިން ފެންނަމުން ދިޔައެވެ. ވިލާކޮޅުތަކުގެ ދޭތެރެއިން ފަނޑު އޮރެންޖް ދަޅަތައް ފަނޑުފަނޑުކޮން ފެންނައް ހުއްޓެވެ. ޖެހިލުމުން ދިޔަ ވައިރޯޅިތަކުން ފަންފަން އިސްތަށީކޮޅު ވައިގެ ތެރޭގައި ނަށާލަ ނަށާލަ ހުއްޓެވެ. ދެލޯ މަރާލަމުން މާހައުލަށް ދޫކޮށްލީ ފުން ނޭޥާއެކެވެ.
“ލުކްސް ލައިކް އިޓްސް ގޮނަ ރެއިން އެގެއިން”
“ހޫމްމް، ޔެސްސް” ޒަންޔާ ސިހުނީ ވިޝާމް އައިސް ފަހަތުން އޭނާގެ ހަށިގަނޑުގައި ބައްދާލުމުންނެވެ. ގެއްލިފައި ހުރި ވަރުން ވިޝާމްގެ ފިޔަވަޅުތައް ވެސް ، އެހަމަހިމޭން މާހައުލުން މިފަހަރު ޒަންޔާއަށް ވަކިނުވިއެވެ. ސިއްސައިގެން ދިޔަ ވަރުން ތޫލި ހަޅޭއްކެއްގެ އަޑު އަނގައިން ބޭރުވިއެވެ. ނަމަވެސް އޭގެ ކުރިން، ފަހަތުގައި ހުރެ އޭނާގެ އަނގަމަތީގައި ވިޝާމް އަތް އަޅާލުމުން އެތެރެއަށް އެއަޑު ހިނދުނެވެ. ހީވި އެފަދަ ކަމަކަށް ވިޝާމް ވިސްނައިގެން ހުރިހެންނެވެ.
“ޝުޝްޝް، މަ އަންނަނިކޮން ފޯނު ހިފައިގެން ހުރެ ޝާއިރާ ވަރަށް ވަގަށް އެބަ އާދޭ މިކޮޅަށް .. ހީވަނީ މިތަނަށް ވަންނަން ކަންނޭގެ އެއަންނަނީ.. ހިނގާބަލަ މީނަ މި ޖަހާ ސަކަރާތެއް ބަލާލަން” ވިޝާމް ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ. އަދިވެސް އޭނާ ހުރީ ޒަންޔާގެ ގައިގާ ފަހަތުން ބައްދާލި ގޮތަށެވެ. އެހެން ކަމުން ޒަންޔާގެ މޫނު އޭނާއަކަށް ނުފެނެއެވެ. އެވެސް ނަސީބެކޭ ޒަންޔާގެ ހިތައް އެރިއެވެ. އެހުރި ގޮތައް ބޯޖަހައިލިއެވެ. އެހެން ހުއްޓާ މީހެއްގެ ފިޔަވަޅުތައް އިވިއްޖެއެވެ. އެ ފަންގިފިލާ ހަމަހިމޭން ކަމުން ނުހަނު ދުރުން ވެސް މިފަހަރު އަޑު އިވުނެވެ. އެހިސާބުން ޒަންޔާއަށް ވިޝާމްއަށް ކުރިމަތިލާން މަޖުބޫރުވިއެވެ.
“ޒަން.. ދެލޯ؟ ހާދަ ރަތޭ.. އެނީތިންގް ހެޕެންޑް؟” ވިޝާމްއަށް ޒަންޔާގެ ކޯތަފާތުގައި ދެއަތުން ހިފާލެވުނެވެ. ޒަންޔާއަށް ޖަވާބެއް ނުދެވި ތުންފަތުގައި ދަތްއަޅުވާލެވުނެވެ. ވިޝާމްއާއި ފިލަން އައި ނަމަވެސް އެންމެ ފަހު ވަގުތު ބޭޒާރުވުމުން ހަނދާނެ ގޮތެއް ނޭނގުނެވެ.
“ކަލޭ ގުޅަނީ އެންމެ ނުބައި ވަގުތު ވިއްޔަ.. ދެންމެ ވެސް އެ އާމިލާ އައި ގަޑީގަ ހަމަ ގުޅައިފިއޭ”
ވިޝާމް ދެވަނަ ފަހަރަށް ސުވާލު ކުރަން ހުޅުވާލި އަނގަ ލައްޕަން ޖެހުނީ ދޮރާއި ނުހަނު ކައިރިން ޝާއިރާގެ އަޑު އިވުމުންނެވެ. ޒަންޔާގެ މޫނުން ހައިރާންކަމެއް ނުފެނުނު ނަމަވެސް ވިޝާމްގެ މޫނުމަތީގައިވީ ސިހުމެވެ. ޒަންޔާގެ އުނަގަނޑަގައި ހިފާ ގާތައް ދަމާލަމުން ވިޝާމް ވަނީ ސޯފާއާއި ފާރާއި ދޭތެރެއަށެވެ. ތިރީގައި ދެމީހުން އިށީންދެލީ ޝާއިރާގެ ވާހަކަ އެހުމުގެ ނިޔަތުގައެވެ.
“ކަލޭ ކައިރީގަ ކިތައް ފަހަރު ބުނާނީ ނުގުޅާށޭ މަ ނުގުޅަނީސް.. ކީކޭ .. ކީކޭ.. މަޑުކުރޭ ސްޕީކަރަށް ލާންދެން .. ޓެޜެހުގަ ނިކަން ރޭންޖު ދަށް ވާނެ އެއްބައި އިރަކަށް.. ތިކިޔާ އެއްޗެއްވެސް ނޭނގޭ ނުސާފުކަމުން” ޝާއިރާ ގޮސް ހުއްޓިލީ ޓެރެހުގެ ދޮރު ކައިރީގައެވެ. ދެކޮޅު ބަލާލާފައި ދޮރު ލައްޕާ އެތެރެއިން ތަޅުލަމުން ފޯނު ސްޕީކަރަށް ލައިފިއެވެ.
“ގުޅާނެ އެންނު.. ޖިނާން ލަންޑަނުން މިކޮޅަށް އައިސްފިއޭ.. އެސޮރު ކައިރީގަ މަށެއް ނުބުނަން މާކިން އޮތް ހޮސްޕިޓަލެއް.. ކޮންމެ ގޮތަކަށް ވިޔަސް މާކިން މަރާލާކަށް މަށެއް ބޭނުމެއް ނޫން.. އޭނައަށް މާކިން އޮތްތަނެއް އެނގިއްޖެއްޔާ ވަގުތުން މަރާލާނެ،… މަށައް ޔަގީން މި ހަފްތާ ތެރޭގަ ނަމަވެސް ޖިނާން މާލެ ދާނެ ކަން.. ޝާއިރާ މަ ބުނަންތަ ވާހަކައެއް! ކަލެއަށް މަ ކޮށްދިން ހުރިހާ ކަމެއް ހަނދާނުގަ ރަނގަޅަށް ބަހައްޓާތި !. އޭނަ ގޮސް ކަލޭ ކައިރީގަ ސުވާލު ކުރާނެ މާކިން އޮތްތަނަކާއި ބެހޭގޮތުން..މަޖުބޫރުވެސް ކުރުވާނެ، އެކަމަކު ވެސް ބުނެފިއްޔާ ނިމުނީ!.. ކަލޭގެ ނިމުން އަންނާނެ ބުނަން ހިތައް އަރުވާލިޔަސް! ކަލޭގެ ހުރިހާ ސިއްރެ މަ ބޭޒާރު ކޮށްލާނަން! ކުރީން ވެސް މިހެން ބުނީން، ހަނދާން އެބަހުރި ދޯ؟” އިވިގެން ދިޔައީ ހޫގޯގެ އަޑެވެ. ހޫގޯގެ ކޮންމެ ޖުމްލައަކުން ޝާއިރާގެ މޫނުމަތިން ހިސާބެއްގެ ޖެހިލުންވުމެއް ފެންނަން ހުއްޓެވެ.
“ހޫމްމް ދެން ކަލޭ ދައްކާ ވާހަކަ، އޭނަ ކައިރިޔަކު ނުބުނާނަމޭ.. ދެން މަށައް ވެސް އެވަރު އެނގެޔޭ! ޖިނާން ކޮންތާކު ހުންނަނީ؟ ގައިމު ވެސް ލައިލާ ނުކިޔާނެ އެގެޔަކުން މަރްހަބާއެއް” ޝާއިރާ އަހައިލިއެވެ.
“އޭނާ މާލޭގަ އުޅުނު އިރު ގެންގުޅުނު އެކުވެރިން ތިބޭނެ އެންނު.. އެ ގޭންގުގެ ލީޑަރޭ އެއި.. އުޅުނެއްނު ރަވީހް އެއް ވެސް.. އާޝިއުއަށް އެނގޭނެ އެމީހުން… މަ ބުނެފިން އާޝިއު ކައިރީގަ ވެސް.. އޭނަ ބުނެފި ހާސްނުވާށޭ.. ހަހަހަހާ” ހޫގޯ ޖަހައިލީ ހިނިގަނޑެކެވެ. އެއާއެކު ޝާއިރާވެސް ޖަހައިލީ ހިނިގަނޑެކެވެ. ހީވީމޮޅުކަމެއް ކުރެވިގެން އެކަމާއި އުފާ ފާޅުކުރަމުން ދިޔަހެންނެވެ. ދެމީހުންގެ ފޯނުކޯލުގައި ދެން ދެކެވެމުން ދިޔައީ މުޅީންވެސް ޖިނާން އައިސް ހުންނާނެ ތަނަކާއި ބެހޭގޮތުންނެވެ. އިތުރު މީހަކު އައިސް ދޮރުގައި އަތްލާންދެން ޝާއިޜާ ފޯނުގައި އިނެވެ.
“އޭތް ދާން ޖެހިއްޖެ! ގުޅާނަން” އަވަސް އަވަހަށް ފޯނު ކަނޑާލާފައި ގޮސް ދޮރު ހުޅުވާލި އިރު ސަދަފްއެވެ.
އަތުގައި ސިނގިރޭޓް ފޮއްޓެއް އޮތްއިރު އެތަނަށް އޭނާއައި ބޭނުން މާ ރީއްޗަށް ވެސް ހާމަވެއެވެ. ސަދަފް ފެނުމުން އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޝާއިރާ އެތަނުން ދިޔައެވެ. އެއްޗެއް ބުނާކަށް ނޫޅުނެވެ. ސަދަފް ވެސް ޝާއިރާ ވައްތަރު ޖައްސާލިހެން އަނގަހަދާލަމުން އެތެރެއަށްވަނެވެ. ނަމަވެސް ސިހުނީ ސޯފާގެ ބިއްދޮށުގައި ކޮޅަށް ތިބި ވިޝާމްއާއި ޒަންޔާ ފެނިފައެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން ޒަންޔާ ހުރިއިރު ދެލޮލުން ފެންތައް ފައިބަމުން ދިޔައެވެ. ވިޝާމްވެސް ހުރީ ޙާސްވެފައެވެ. މޫނުމަތީގައި އަތުން ފިރުމާލި އިރު އޭނާ ދެން ބަލައިލީ ރޮމުން ދިޔަ ޒަންޔާގެ މޫނަށެވެ.
“ވަޓްސް ގޮއިންގް އޮން؟” ދެމީހުން ތިބި ގޮތުން ސަދަފް އައިސްފިއެވެ. ވިޝާމްއަށް ފެނުމުގެ ކުރިން އަތުގައި އޮތް ސިނގިރޭޓު ފޮށި ލައިގެން ހުރި ޖީންސުގެ ޖީބަށް ކޮއްޕާލިއެވެ.
“ކިހިނެތް މި ވަނީ؟ ކޮންވާހަކަ ތަކެއް މި އިވުނީ؟ ޖިނާން؟ އެއީ..އެއީ ސްޓެޕް ބްރަދަރ؟ މާކް ..މާކް އެއީ މާކިން ؟ އެހެންނު.. ޝާއިރާ އެދެއްކީ މާކިންގެ ވާހަކަ ތަ؟ ޒަން ކިހިނެތްތަ މިވަނީ؟” ވިޝާމްގެ މުޅި މޫނު ވަނީ ހުދުވެފައެވެ. އެއިން ކަމަކަށް ކުރިން ފަރުވާ ނުބެހެއްޓި ނަމަވެސް ޖިނާންގެ ހަގީގަތް ވަނީ، ޒަންޔާއާއި އަމީރާ ދިމާވި ރޭ ، ޒަންޔާއަށް އަމީރާ ކިޔައިދިން ވަގުތު އޭނާ އަހާފައެވެ.
“އެމީއާއި ގުޅުން ހުރި ކަމެއް ވިއްޔާ ސިއްރު ނުކުރޭ! ޕްލީޒް ޒަން ކިޔައިދީބަލަ؟”
“ދެމީހުން ވާހަކަ ދައްކާލަ .. ފަހުން ފެނިލާނަން” އެދައްކާ ވާހަކައެއް އެހުމަށްޓަކައި ޝައުގުވެރިކަން ހުރި ނަމަވެސް ޒަންޔާއާއި ވިޝާމްއަށް ފުރިސަތު ދީފައި އޭނާ މިސްރާބު ޖެހީ ބޭރަށެޗެ.
“އޭ.. މަޑުކުރޭ…އެބަޖެހޭ ވާހަކައެއް ދައްކަން .. އާދޭ މިތާގަ އިށީންދެ” ސަދަފް ހުއްޓުނީ ވިޝާމް ގޮޥާލުމުންނެވެ. ޒަންޔާގެ ގާތައް ޖެހި އޭނާގެ ޖީބުގައި އޮތް ރުމާކޮޅުން ޒަންޔާގެ މޫނު ފުހެލަ ދެމުން ވާހަކަ ދެއްކުމަށް ބުނެލިއެވެ.
“މާކް އަކީ މާކިން… ޖިނާން އަކީ ކާކު ކަން ވިޝާމްއަށް އެނގޭއެއްނު.. ބުނީމެންނު އެމީ ދެއްކި ވާހަކަ އިވުނޭ..އެހެންވީމަ ވީ ޝުޑް ޕްރޮޓެކްޓް އެމީ.. އެނގޭތަ ކުރީ ރޭ ވީގޮތް؟” ޒަންޔާ ކިޔައިދިނީ ޝާއިރާއާއި ހޫގޯގެ ފޯނު ކޯލު ފުރަތަމަ ރޭ އިވުނު ގޮތުގެ ވާހަކަ އެވެ. ކޮންމެ ޖުމްލައެއް ވަކިވަކީން ކިޔައިދިން އިރު ވިޝާމްގެ މޫނުމަތިން ފެންނަނީ ސިހުމެވެ. އެދެމީހުން ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް ނޭނގި ވާނުވާގައި ހުރެވުނީ ސަދަފްއަށެވެ. އެކަމަކުވެސް ވިޝާމް ބުނީތީ އެތަނުގައި އޭނާ ވެސް ހުރީއެވެ.
“މާކްއަށް އެމީހުން ކިހިނެތް ހަދައިގެން އެއުޅެނީ؟ ޓެލް މީ، މަ ކިހިނެތް ހަދާދޭން ވީ.. އެމި އާއި ޒަންގެ ފުރާނަ ސަލާމަތް ކޮށްދޭން އެހާ ބޮޑު ގުރުބާނީއެއް ވީ މީހަކު މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ!” ވިޝާމް އަޑުގައިވީ ޔަގީން ކަމެވެ.
“މަޑުކޮށްބަލަ، އަސްލު ކިހިނެތް މިވަނީ؟ އަހަރެން މިތާގަ މިހުރީ ކީއްވެޔޯ؟ އެމީއަށް ކަމެއް ވީތަ؟ އިޔާން އަނެއް ބޮނޑި ބުއީތަ؟” ސަދަފްއަށް ފަހަރަކު ސުވާލެއް އެހެމުން ދިޔައެވެ.
“އެމީއާއި ބެހޭގޮތުން ބޮޑު ސިއްރެއް ތިމީހުންގެ ކައިރީގަ ބުނަން ވެގެން ޝެޑީ މަޑުކުރުވީ” ވިޝާމް އެދުމުން، އުނދަގޫވެފައި ހުރެވެސް ޒަންޔާ ކިޔައިދޭން ފެށިއެވެ. ހޫގޯގެ ހަގީގަތާއި، އަމީރާގެ ފުށުން ޒަންޔާ އަހާފައިވާ ގޮތައް ހޫގޯގެ އަތްމައްޗަށް އަމީރާ ދިޔަގޮތް ސަދަފްއަށް އޭނާ ކިޔައިދެމުން ދިޔައެވެ. އިޔާންއާއި އަމީރާ ދިމާވި ގޮތުން ފެށިގެން، ލައިލާ އެދިގެން އޭނާ ވެސް އެތަނަށް ދިޔަގޮތް ކިޔެވެ. އަދި އަމީރާއާއި ޒަންޔާ ސަލާމަތް ކޮށްދިނުމަށް މާކިން ވީ ގުރުބާނީގެ ވާހަކަ ވެސް ބުނެދިނެވެ. ވިޝާމްއަށް ކުރިން ނޭނގޭ ވާހަކަތައް ވެސް އިވިގެން ދިޔައިރު ސަދަފް ހުރީ ރަނގަޅަށް ވެސް އިވުނު ވާޙަކަ ތަކުން ވަރުގަދަ ޝޮކެއް ލިބިފައެވެ.
“ސީރިއަސްލީ؟” ސަދަފްއަށް ވާހަކަ ދައްކަން އުނދަގޫ ވެގެން އަނގަ ލައްޕާލަން މަޖުބޫރުވިއެވެ. ޒަންޔާ ބޯޖަހައިލިއެވެ.
“އެ ވަރުގެ މީހަކާތަ މި ޝާއިރާ މި ގުޅުން ބާއްވަނީ؟ދަ ފަ*” ސަދަފްއަށް ބޯހޫރުވާލެވުނެވެ. ޒަންޔާ އަނެއްކާ ވެސް ބޯޖަހައިލިއެވެ.
“ތިއްތިބެ ބުނީމެންނު އެމީގެ އެހެން ވާހަކަ އެކޭ؟ އެއީ ކޮން ވާހަކައެއް؟” ސަދަފް ސުވާލު ކޮށްލީ ވިޝާމްއާއިއެވެ.
ވިޝާމް ފޯނު ނަގާ ހޯދާލުމަށްފަހު ދެއްކީ ފޮޓޯއެކެވެ. އެއީ އަމާޔާގެ ފޮޓޯއެކެވެ. ފޮޓޯ ތަންކޮޅެއް ބޮޑަށް ‘ޒޫމް’ ކޮށްލަމުން އޭނާ ދެއްކީ އަމާޔާގެ ކަންފަތް ކައިރީގައިވާ ލަފެވެ.
“މިއީ އަމާޔާގެ ބާތްމާކް.. މި ކިހިނެތް އެމީއާއި ރިލޭޓް ވަނީ؟” ސަދަފް ހައިރާންވެ ހުރެ ސުވާލުކޮށްލީ އެ ފޯނަށް ބަލަން ހުރެއެވެ.
“އައި ސޯ ދި އެގްޒޭކްޓް ބާތްމަކް އެމީގެ ލެފްޓް ސައިޑް ކަންފަތް ކައިރިން.. އަމާޔާ ވެސް އިންނަނީ އެ ސައިޑްގަ.. ސޭމް ސްޕޮޓް.. އަހަރެމެން ރަންކިއުން އޮތް ރޭ ޒަން ހަނދާންވޭތަ އަހަންނަށް ގޮތެއް ވިއެއްނު.. އެމީގެ އިސްތަށިގަނޑު އައްސަން ވެގެން އުޅެނިކޮން މަށައް މިފެނުނީ.. އޭގެ ކުރިން ވެސް އަބަދުވެސް އެއީ ފެންނައިރަށް އަހަންނަށް އިޙްސާސްވޭ ތަފާތު ކަމެއް.. އެއްވެސް މީހަކަށް މި ޥާހަކަ ކިޔައި ނުދީ މިހުންނަނީ ތަފާތު މާނައެއް ނަގާފާނެ ތީ.. މިކަންތައް ފާހަގަ ވުމުގެ ކުރިން އަލަށް ޒަންގެ އާއިލާއާއި މީޓުވި ރޭ ސަދަފްއަށް އެމީ ފެނިގެން ވެސް ބުނީމެންނު ތަފާތެއް ފާހަގަވިއޭ.. އޭރުވެސް މަށައް ވޭ އެހެން.. އެމީގެ މޫނަށް ބަލާލީމަވެސް ދެރަވަނީ.. ނޭނގެ ކީއްވެ ކަމެއް.. އެކަނި ހުރެ ރޯންވެސް ރޮވޭ.. އެ ބުޅި އިސްތަށިގަނޑާއި އެ ސިފައަކީ އަމިއްލަ ލެޔޭ ހިތްބުނާ ކަހަލަ.. އޭގެ ފަހުން މި ބާތްމާކް ފެނުނީމަ، ދެން ވީ ގޮތެއް ވެސް އަހަންނަކަށް ނޭނގުނު.. އަހަރެމެން އެންމެންނަށް އަމާޔާ އާއި އެންމެ ބޮޑަށް މާއިން ދޯ ވައްތަރުވެގެން އުޅުނީ..އޭގެ ފަހުން މާއިން އާއި އެއްކޮން އެއްދުވަހު އެމީ ފެނުނީމަ ހަމަ ހީވި ކުޑައިރުގެ މަންޒަރެއް ލޯ ކުރިމަތިން ފެނުނު ހެން… ދެން އަހަރެމެން ގެޔަށް އެމީ ގެންދިޔަ ދުވަހު ވިއެއްނު ގޮތެއް.. އެދުވަހު އަނބުރައި ގަނެގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އަހަންނަށް ޝައްކުވެފަ ހުރީ.. އެދުވަހު އިޔާން ކައިރީގަ ރޮއެ ރޮއެ ކީ..” އޭނާހުރި ކަމެއް ނޭނގި، އިޔާން ގާތު އަމީރާ ދެއްކި ވާހަކަ ވިޝާމް ކިޔައިދިނެވެ. އެގޭ މީހުން ފެނުމުން އަމީޜާއަށް ވެސް ވާކަމަށް ބުނީ އަމީރާ ފެނުމުން ވިޝާމްއަށް ވެސް ކުރުވަމުން ދިޔަ އިޙްސާސްތަކެވެ. އެހުރިހާ ވާޙަކަ ތަކެއް އިވުމަށްފަހު ޒަންޔާއާއި ސަދަފްގެ މޫނުތައް ވަނީ ހުދުވެފައެވެ.
“ކެން އައި ސީ ތި ފޮޓޯ.. މާކް އާއި އެމީ އެއްކޮން ނަގާފަ އިން ފޮޓޯއެއް އިންނާނެ އަހަރެންގެ އަތުގަ.. އެއީ އެގެޔަށް އެމީ ގެންދިޔަ ތާ އަހަރެއް ވަރު ފަހުން.. ދެމީހުންވެސް ސޭމް އޭޖަށް ވީމަ ދެމީހުން ވެސް ވަރަށް ކުޑަވާނެ އޭރު.. އެއީ ހޫގޯ މާކްއަށް ދިން ކެމެރާއަކުން މާކް ނަގާފަ އިން ފޮޓޯއެއް.. އޭނާ އެ ފޮޓޯ ފަހުން ފޮނުވީ މަންމައަށް” ޒަންޔާ ބުނެލިއެވެ. ސަދަފް ފޯނު ދިއްކޮށްލީ ޒަންޔާގެ އަތަށެވެ. އެހިނދު ޒަންޔާ ފޯނުގައި ހިފާ ބަލައިލިއެވެ. އެހިނދު މުޅި ކުއްޖާގެ ހަރަކާތް ހުއްޓުނެވެ. ދެލޯ ބޮޑުވެފައި ހުރެ ތުރުތުރު އަޅަމުން ދިޔަ އަތަކުން ފޮޓޯ ބޮޑުކޮށްލެވުނެވެ. ބަހެއް ނުބުނެވި ހުރެފައި އަމިއްލަ ފޯނު ނަގައި ޒަންޔާ ވަނީ، ‘މެމޮރީސް’ ޖަހާ ހަދާފައިވާ ބަޔަކަށެވެ. ވަރަށް އެތެރެއިން އޭނާ ހޯދި ފޮޓޯ އަށް ލަމުން، ފޮޓޯ ބޮޑުކޮށްލީ ހިނދު ވަކީން ބޮޑަށް ޒަންޔާ ސހިއްޖެއެވެ. އާއެކެވެ. ޒަންޔާގެ ފޯނުގައި މާކިން އާއި އެކު އިން އަމީރާ އާއި ވިޝާމްގެ ފޯނުން ފެންނަ އަމާޔާގެ ސޫރަ އެއްގޮތެވެ. އެއްވެސް ތަފާތެއްނެތެވެ. އެ ބުޅިބުޅި އިސްތަށިކޮޅެވެ. އެދެލޮލެވެ. އެ ތުންފަތެވެ. އަމާޔާގެ ތުންފަތުގައިވީ ހިނިތުންވުން އަމީރާގެ ތުންފަތުގައިވެސް ހުއްޓެވެ. ޒަންޔާއަށް ދެ ފޯނު ކައިރި ކޮށްލާފައި ވިޝާމްއަށާއި ސަދަފްއަށް ދައްކާލެވުނެވެ. އެހިނދު އެދެ ޒުވާނުންނަށް ލިބިގެން ދިޔަ ސިހުމުގައި ތިބީ ދެލޯ ބޮޑުވެފައެވެ. ހިތާމަވެރި އެތައް އަސަރުތަކެއް މައްސުނި ވެގެން އެމޫނު ތަކުގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ.
“ވަޓްޓް! ވިޝާމް؟ މިއީ އެމީ އެއްނު؟ ވަޓްސް ގޮއިންގް އޮން؟” ޒަންޔާއަށްއެހުނެވެ. އޭރު ވިޝާމްގެ ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މަތިން ފައިބަމުން ދިޔައެވެ.
“މީ އަމާޔާ! ހަމަ އަމާޔާ! އަހަރެމެންގެ ދެލޮލުގެ ކޮއި ހެން ގެންގުޅުނު ފުރާނަ! ކޮބާ ބުނީމެންނު.. ހީވި ހީވުން ޔަގީން!” ވިޝާމްއަށް ރެއިލިންގައި ލައްވެގަނެވުނު އިރު ރަނގަޅައް ވެސް ރޮވިއްޖެއެވެ. އެ ކަރުނުތަކުން ވެސް ތުންފަތައް ވެރިވި ހިނިތުންވުން ފުޅާވެ ހެވެން ފެށުނެވެ. ސަދަފް ވެސް ފެންކަޅިވެގެން ދިޔައިރު ވިޝާމްގެ ގާތައް ޖެހި ކޮނޑުގައި އަތްބާއްވާލިއެވެ.
*****
(ނުނިމޭ)

2 ހިޔާލު

  1. Kiwi
    00:40 ⁧⁦7/4/2026⁩⁩

    Omg dhen alhey🥹. Rovihje hama. Finally wishaam figured it out aah. Also what the hell?? Aamila srsly?? Shes gona regret this so bad argh!! AND YANAAL!! Argh im so so pissed istg. Ekm aww wishaam and zan so cute. Emeehun dhuru nukohlahchey. Ehves massalaehves nujahsaathi pls pls. I love this part so much!!!!❤️‍🩹 next part avahah up kohdhehchey. Cant waitt!!!!!

  2. Lavender
    01:45 ⁧⁦7/4/2026⁩⁩

    Thank god now that know the truth 🥰

ކިޔުންތެރިންގެ ހިޔާލު