ދެ ހަފްތާ ފާއިތު ވެގެން ދިޔައިރުވެސް އެއްވެސް ހަބަރެއް ނުވިއެވެ. ކެނޑި ނޭޅި ހޯދަމުން ދިޔަ ނަމަވެސް މާޔޫސް ހަބަރެއް ނޫނީ އަޑުއަހާކަށް ނުލިބެއެވެ. އެ ރީތި ސޫރަ ނުފެނި ހޭދަ ވި ކޮންމެ ސިކުންތެއް އެއީ ލިއަމްގެ ހަށިގަނޑަށް ފެތުރެމުންދާ ޒަހަރެއް ފަދަ އެއްޗެކެވެ. ކުރެވެމުންދަނީ ރޫހު މަރުވަމުންދާ ފަދަ އިހުސާސެކެވެ. އެގޮތުގައި ރޯން އިން އިރު މެދުކެނޑުމެއްނެތި ދޮރުގައި ތަކި ޖަހަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނެތެވެ. ދޮރުގެ ފުރަގަހުގައި ތިބީ ކޮންބައެއްކަން ވެސް ލިއަމްއަށް އެނގޭ ކަހަލައެވެ.
***
“ދަރިފުޅާ” ދެލޮލުގައި ބޮނޑިވެފައިވީ ކަރުނަތައް ހިފަހައްޓާލަމުން މިފަހަރު ދޮރުގައި ޓަކި ޖަހަމުން ދިޔައީ ޒީވާއެވެ. އިޒްވާގެ ކީވާންއާއި ޝާއިން އަދި އަދްރެކް ދޮރުގައި ޓަކި ޖަހަމުންދާތާ ކިތަންމެ އިރެއް ވެއްޖެއެވެ. ނަމަވެސް ލިއަމް ހުޅުވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަހަލައެވެ. “ދަރިފުޅާ، ދޮރުހުޅުވާ! ނޫނީ ހަލާކު ކޮށްލައިގެން ވަންނާނީ!” އެންމެފަހުން ޒީވާގެ އަޑު ބާރުވިއެވެ. އެ ސިފަ ދައްކާލައިގެން ކުޑަ އިރުވެސް ލިއަމް ކަންކަން ކުރާލެއް އަވަހެވެ. މިފަހަރުވެސް ވީ އެހެންނެވެ. ހަނި ގޮތަކައް ދޮރު ހުޅުވާލިއެވެ. އެހެން މީހުން ބޭރުގައި ތިބެ އެތެރެއަށް ވަނީ ޒީވާއެވެ.
ދޮރު ހުޅުވާފައި ވެސް ލިއަމް ގޮސްއިނީ ކުރީން އިންތަނުގައެވެ. ކަކުލުގައި ބޯ އަޅުވާލައިގެން އިން އިރު ލޯބިވާ ފިރިހެން ދަރިފުޅުގެ ހާލަތުން ޒީވާގެ ހިތްހީވީ ތޮރުފިގެން ދާހެންނެވެ.
“ދަރިފުޅާ، ދެން ހުއްޓާލަބަ.. ހިތްވަރުކޮށްގެން އެކުއްޖާ ހޯދަން ވެސް ދަރިފުޅެއްނު ދާން ހުރީ.. އަމް ސޯ ސޮރީ، މަންމަގެ ސަބަބުން-” ޒީވާގެ ހިތް ކުށްވެރިކުރަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސެވެ. އެތައް އަހަރެއް ހިނގާދިޔަ ފަހުން ވެސް އޭނާއަށް ލޯބިވާ ކުދިންގެ ގާތައް އާދެވުނީ އިތުރު ހިތްދަތިކަމަކާއި އެކުގައެވެ.
“ނޫން..ނޫން.. މަންމަގެ ކުށެއް ނެތް… އައި ޖަސްޓް ކޭންޓް ބިލީވް.. ރުއާ ހިމާޔަތް ކޮށްދޭން މިގެޔަށް ގެނެސް ވެސް އެކަންތައް އަހަންނަށް ކޮށްނުދެވުނީމަ.. އެންމެ ކުޑަމިނުން ލޯބިވާ ޥާހަކަ ވެސް ނުބުނެވުނު” ލިއަމްގެ ހިތައް އެންމެ ތަދުކުރަމުން ދިޔައީ އެކަންތަކެވެ. ލިއަމްގެ ގައިގާ ޒީވާއަށް ބައްދާލެވުނެވެ. ދަރިފުޅު ކިތަންމެ ހަށިގަނޑުން ވަރުގަދަވެފައި އިސްކޮޅުން ދިގަސް ޒީވާއަށް ސިފަވެގެން ދިޔައީ ތުއްތު ލިއަމްއެވެ. އެންމެ ކުޑައިރުގެ ހަނދާންތަކެވެ. ކަމަކާއި ދެރަވިޔަސް އެހެން މީހުންގެ ކުރިމަތީގައި ހިތްވަރުކޮށްފައި އޭނާ ފެނުމުން ހިތުގައިވާހާ ޝަކުވާއެއް ބަނޑުން ކޮށްލާ ގޮތެވެ. ލިއަމްގެ ބޮލުގައި ފިރުމާލަމުން ނިތުގައި ތުންފަތް ޖައްސާލިއެވެ. ރުއާނާއާއި ގުޅޭ ކޮންމެ ހަނދާނެއް ވަކިވަކިން ލިއަމް ކިޔައިދެމުން ދިޔައިރު އެއަންހެންކުއްޖާއަކީ ލިއަމްއަށް ކިހާ މުހިއްމު ފަރާތެއްކަން މާ ބޮޑަށް ވެސް އިޙްސާސްވިއެވެ.
“ރުއާ ފެނުނީމަ އެންމެ ފުރަތަމަ ވެސް ތިވާހަކަ ބުނާނީ.. އިންޝާﷲ އަދި ފެންނާނެ.. ކީވާން ބުނި ޒައްޔާން ވެސް އައޭ ދަރިފުޅު ހޯދަން، އެކަމަކު މަޑުނުކުރެވިގެން އައިސް ގޮސްފިއޭ.. އެމީހުން އެ މަސައްކަތް ނުހުއްޓާލަ.. އަންކަލް އާއި ޒެކް ދޮންބެއާއި ލޫކް އާއި ލޫތް އަދި ނޫހް ވެސް އެކޮޅުގަ ވީ.. ދަރިފުޅު ތިއުޅޭ ގޮތުން އީތަންއާއި އެޑީއަށް ވެސް ދާން ނުކެރިފަ އެހުންނަނީ.. ތެދުވެބަލަ، ބައްޕަގެ ހަބަރެއް ވެސް އެނގޭނީ ދަރިފުޅު ކުރި ހިތްވަރަކުންނޭ” އެންމެފަހުން އިޒާންގެ ނަން ޒީވާ ބޭރުކޮށްލުމުން ޓައިލްސް މަތިން ލިއަމް ތެދުވެ ބަލައިލިއެވެ. ދެލޮލުގައި ވި ކަރުނަތައް ޒީވާ ފުހެލަ ދޭންފެށިއެވެ.
“މަންމަ އެބަހުރި ވަރަށް ގިނަ ވާހަކަތައް ވެސް ދަރިފުޅާއި ދައްކަން ވެފަ.. މިތާ އެނދުގަ އިށީންދެބަލަ” ޒީވާގެ އެދުމުގެ މަތިން ލިއަމް އިށިންދެލިއެވެ.
“ބައްޕައަށް ކިހިނެތްވީ؟ މިކަންތައް ވެގެން ދިޔަގޮތުން ސުވާލެއް ވެސް އަހަން ނޫޅެވިފަ މިހުރެވުނީ.” ލޮލުގެ ތެތްކަން ރަނގަޅަށް ނުފިލާ ހުރުމުން އެވަގުތުވެސް ލިއަމް ދިޔައީ ދެލޯ ފުހެލަމުންނެވެ.
“މަންމައަށް ވެސް އެނގެނީ ދަރިފުޅުމެންނަށް އެނގޭވަރު.. އެދުވަހު ޕިކްނިކް ގޮސް ތިއްބަ ވީ ގޮތް އެނގޭ ދޯ.. ޒައްޔާން ބައްދަލް ކުރި މަންމައާއި.. ކިޔައިދިން އެވާހަކަ.. ޒައްޔާންގެ ރަހުމަތްތެރިޔާގެ ކޮއްކޮއާއި ވަރަށް ބައްދަލްކޮށްލަން ވެސް ބޭނުން ވެފަ މިހުންނަނީ.. އެކުއްޖާ އެކިޔައިދިނީ ހަމަ އެދުވަހު ވީ ގޮތައް… ހޫރައިން ކިޔާ އަންހެން ކުއްޖެއް.. އޭނަ ހައްޔަރު ކުރިއިރު، ކުޑަ ކުޑަ ގާލް އެއް ކައިރީގަ ހުރި.. އެއީ ރުއާ ކަން ވެސް އެނގުނީ ޒައްޔާން ބުނެދިނީމަ.. އެދުވަހު އެކުއްޖާ ރޯއަޑު އިވިގެން މަންމައާއި ބައްޕަ ދިޔައީ ..އެކަކަށް ވެސް ނޭނގޭ މިވަދެވުނީ ކޮންފަދަ ކަމެއްގެ ތެރެއަށް ކަމެއް.. އެހެން ނޫނަސް މީހެއްގެ ފުރާނަ ސަލާމަތް ކުރާކަށް މަންމަވެސް ބައްޕަވެސް ފަހެއް ނުޖޭނަން.. އެދުވަހު ބައްޕައަށް ފެނުނު އޭނާގެ މޫނު .. ބައްޕައަށް ވަރަށް ބޮޑު ޝޮކެއް ލިބިފަ ހުރީ.. ބައްޕަ ބުނި މަންމަ ކައިރީގަ ދުވާށޭ.. އެމީހުން ސަލާމަތްކޮށްގެން ބައްޕަ އެތަނުން ދާނަމޭ.. އެކަމަކު ބައްޕަ ބަހައްޓާފަ މަންމަ ކިހިނެތް ދާނީ.. މަންމަ އެމީހާގެ މޫނު ބަލަން ވެސް އުޅުނިން..އެކަމަކު ނުފެނުނު.. ބައްޕަގެ އަމަލުތައް ހުރިގޮތުން އެނގޭ އެއީ އަހަރެމެން ދަންނަ މީހެއްކަން.. ބައްޕަ ދުއްވައިގަތް ހޫރައިން ސަލާމަތް ކުރަން އެކަމަކު އެމީޙުންގެ މީހުން ބައްޕަ ވަށާލި.. ދެން ޖެހި އިންޖެކްޝަނަކުން ބައްޕަ ދެފައިކޮޅުން ވާގި ދޫވެގެން ތިރިއަށް ވެއްޓުނީ.. ވެއްޓުން ވަގުތު އެއީ އެންމެފަހުން ބައްޕައާއި މަންމަ ވާހަކަ ދެކެވުނު އެންމެ ފަހު ވަގުތުކޮޅު.. ބައްޕަ ބުނިހާ ވެސް އެއްޗަކީ މާއިސްބެ އާއި ސުވާލު ކުރާށޯ” ޒީވާގެ ހުރިހާ ވާހަކައެއް އަޑުއަހަމުން ދިޔައިރު ލިއަމް ސިހުނީ ޒީވާގެ ފަހު ޖުމްލައިންނެވެ.
“ހޭންން؟ ވަޓް؟ މާއިސްބެ؟ އެއީ ކީއްވެ؟ މިކަމާއި މާއިސްބެ އާއި ހުރި ގުޅުމެއް ނުފެނޭ”
“ތިއެންނު މަންމަ ވެސް ހައިރާންވާ ކަމަކީ.. އެހުރިހާ ދުވަހަކު ޖަލުގައި ހޭދަކުރި ހުރިހާ ވަގުތަކު މަންމައަށް ވިސްނުނީ އެކަމާ..ބިލާލްގެ ވާހަކަ ވެސް ޒައްޔާން ކިޔައިދިން.. އެހެންވީމަ މާއިސްބެ އާއި ސުވާލުކުރަން ދާންވީ ބިލާލްއާއި ބިލާލްގެ ބައްޕަޔާއި ބެހޭގޮތުން” ޒީވާއަށް ވިސްނުނު ގޮތް ބުނެލިއެވެ. ލިއަމްއަށް މަޑުމަޑުން ބޯޖަހައިލެވުނެވެ.
” ދެން ބުނެބަލަ މަންމައަށް އެމީހުން ކިހިނެތް ހެދީ؟”
” އެދުވަހު އެންމެ ފަހުން ފެނުނު މަންޒަރަކީ ބައްޕަގެ ގަޔަށް ޖެހި އިންޖެކްޝަނާއި އެކު ތިރިވިތަން… ދެން މަންމަގެ ގަޔަށް ވެސް އެއްޗެއް ޖެހީ.. އެހިސާބުން ވީ ގޮތެއް ނޭނގުނު…އޭރު ހޫރައިންގެ ގާތައް ވެސް އެބަޔަކު ގޮސްފި.. އެއްގޮތަކަށް ވެސް ނޭނގުނު އެމީހުން ހޫރައިން އަށް ހެދި ގޮތެއް.. މަންމެގެ ހޭވެރިކަން ވެސް ފިލައިފި އެހިސާބުން.. ދެން ހޭއެރީ ކުޑަ ގޮޅިއެއްގެ ތެރޭގަ އޮއްވާ..އެއީ ޖަލަށް ފާޑު ތަނެއް.. މަންމަ އެކަނި އެ ގޮޅީގަ ބަންދުކޮށްފަ ހުރީ.. ބަރާބަރަށް ކާން ގެންނާނެ.. އެކަމަކު އެމީހުން ވަރަށް އަނިޔާ ކުރި .. ބައެއް ދުވަސް ދުވަހު ނުވެސް ތެދުވެވޭ.. އެއް ދުވަހު ކުރާ އަނިޔާ ތަކަށް ފަރުވާ ދެވޭނެ ގޮތެއް ނެތިފަ ހުއްޓާ، އަނެއް ދުވަހު އައިސް ހަމަ އެ ފާރުގަނޑު މަތީގަ ތަޅާ ހެދީ..”ޒީވާއަށް ރޮވުނެވެ. އެތާގައި ޙޭދަކޮށްލި ހިތްދަތި ތަޖުރިބާ ކިޔައިދިނެވެ. އޭނާއަށް ލިބިފައިހުރި އަނިޔާގެ ތަފްސީލް ވެސް ކިޔައިދިނެވެ. ކުޑަކޮން ހެދުން ހިއްލާލާފައި ބަނޑާއި ބުރަކަށީގައިވާ ކަޅު ލަކުނުތަކުން ބައެއް ވެސް ދެއްކިއެވެ. ލިއަމްގެ ލޭ ކެކިގެން ދިޔައެވެ. ލޯބިވާ މަންމަގެ ގައިގާ ނުހަނު ބާރަށް ބައްދާލެވުނެވެ. އަނެއްކާ ވެސް ލިއަމްގެ ދެލޯ ތެމޭ ގޮތް ވިއެވެ. ބިލާލް އަތުޖެހިއްޖެ ނަމަ ދޫ ނުކޮށްލާނެ ކަމުގެ ޔަގީންކަން ޒީވާއަށް ދިނެވެ. ޒީވާ އެކިޔައިދިނީ ޒީވާއަށް ޖެއްސި ހާލެވެ. އިޒާންއަށް އަދި ހަދާލާނެ ގޮތެއް ވެސް ނޭނގެއެވެ. ދެން ހުރީ ރުއާނާއެވެ. ހިތައް އެރުމާއި އެކުވެސް ލިއަމްއަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ.
“އެގޮތުގައި އަހަރުތައް ވޭތުވެ ދިޔައި.. ކޮންމެ ދުވަހަކީ ވެސް ހިތްތަދި ދުވަހެއް.. އެ ފިރިހެން މީހާ ވެސް ބައެއް ދުވަސް ދުވަހު އާދޭ..އެކަމަކު މިބުނާހެން މޫނު ނުފެނޭ..އޭނާގެ އަޑު ވަރަށް ބަރު.. ހީވޭ ކޮންމެވެސް ތާކުން ދިމާވެފަ ހުރި މީހެއް ހެން ވެސް..އެކަމަކު ކާކު ކަމެއް ނޭނގުނު އުޅެ އުޅެ ވެސް.. އޭނާ އަންނަ ދުވަސް ދުވަހު ލިބޭ އަނިޔާ ވަކިން ބޮޑު..އެހެން އުޅެނިކޮން ދޮރު ރަނގަޅަށް ނުލެއްވި އިން ދުވަހެއްގެ އޭނާ ޖެހިގެން ހުރި ޖަލު ކޮޓަރިއަށް ވަދެ ވާހަކަ ދެއްކި އަޑު އިވުނު.. ހޫރައިންއޭ ކިޔާފަ އޭނާ ގޮވި..އެހިސާބުން އެނގުނު ހޫރައިން އެތާގައި އިން ކަން.. އޭނާ އައިސް ވަރަށް އެއްޗެހި ގޮވާލާފަ ދިޔައީ، އެކަމަކު ހޫރައިންގެ އަޑެއް ނީވޭ އެއްފަހަރު ވެސް.. އެކަމަކު އެއްކޮޓަރީގެ އަޑު އަނެއް ކޮޓަރިއަކަށް ނުފޯރާނެ.. އެދުވަހު ދޮރު ނުލެއްޕި އިނީމަ އިވުނީ.. ފަހުން ވަރަށް މަސައްކަތް ކުރިން ހޫރައިން އާއި ވާހަކަ ދެއްކޭތޯ.. އަޑު ނީވޭނެ ކަން އެނގިހުރެ ވެސް ވަރަށް ގޮވުނު.. އެތަނަށް ވެއްދި ދުވަހުން ފެށިގެން ހަމަ އެއްގޮތަކަށް ވެސް ބައްޕަ ނުދެކެން.. ވީ ހިސާބަށް ވެސް ނޭގޭ” އިޒާންގެ މަތިން ހަނދާން ވީ ވީހެން ޒީވާގެ ހިތައް ކުރަމުން ދިޔައީ ވޭނީ އަސަރެކެވެ. ޒީވާގެ ދެލޮލުން ލިއަމް ކަރުނުތައް ފުހެލަދިނެވެ.
***
ޒައްޔާން ގެއަށް ވަދެލީ ޒަބީގް މާ ބާރަކަށް ގޮވަން ފެށުމުންނެވެ. ފުޅާ ކޮރިޑޯގައި ކުޑަކޮން ދުވެލާފައި ޒައްޔާން ވަނީ ކާފަ ޒާހީގެ ކޮޓަރިއަށެވެ. އޭރު ޒަބީގް އާއި މާމަ ހާރިސާ ވެސް މަޑުކޮށްލައިގެން ހުއްޓެވެ. ޒާހީ އެނދުގައި އިށީންދެގެން އިންތަން ފެނި ޒައްޔާންއަށް ލޯ ބޮޑު ކޮށްލެވުނެވެ.
“ކާފާ.. ކީއްކުރަން ތިތެދުވީ؟ ބުނީމެންނު ނުތެދުވަން.. ޑޮކްޓަރުވެސް ބުންޏެއްނު އެހާ ފިޓެއް ނޫނޭ ތިހެން ތެދުވެ އުޅޭކަށް” ޒައްޔާން ހިތްހަމަ ނުޖެހުނު ވަރުން ވާހަކަ ދައްކަމުން ދިޔައީ ވެސް ފުދޭވަރަކަށް ބާރަށެވެ.
“ކާފަ އަހާނެތަ؟ ބޭބެ އާއި މާމަ ވެސް މިކިޔަނީ އެހެން.. މިހާރު އެކިޔާ އެއްޗަކީ ރުއާ ހޯދަން ދާން ބޭނުންވަނީއޯ” ހާރިސާ ވެސް ކަންބޮޑުވެފައި ހުރެ ވާހަކަ ދެއްކިއެވެ. ޒަބީގްގެ މޫނުމަތިން ވެސް ފެންނަނީ އިންތިހާ ކަންބޮޑުވުމެވެ.
“ތިހެން ބުނާ އަޑު އިވުނަސް އަޒްލާން އައިސް ކާފަ މިތާ އެތެރޭގަ ބަންދުކޮށްފާނެ.. އަހަރެން ހެން މަޑުމައިތިރިއެއް ނުޥާނެ އޭނައެއް…”
“ދަރިފުޅާ މިހެން ކާފަ އިންނަނީ ކިހިނެތްތަ؟ ރުއާ ދުރުގަ މަޖުބޫރުން ބެހެއްޓީމަ ވެސް އޭގެ ހުރިހާ ހިތިކަމެއް ކާފަގެ އަރުގަ މިލަނީ.. އަހަންނަށް ކިހިނެތް ކެތްވާނީ އެކުއްޖާއަށް ވީ ގޮތެއް ނުބަލާ ހުންނަން” ޒާހީ ދެރަވެލާފައި ފަހަރަކު މީހެއްގެ މޫނަށް ވަކިވަކީން ބަލައިލިއެވެ.
“ބައްޕަ ހީކުރީ އަހަރެމެންނަށް ވެސް ފަސޭހަ ކަމައްތަ މިހެން ތިބެން.. ބައްޕަގެ ހާލަތު ހުރި ގޮތުން އަހަރެން ވެސް މި މަޑުކުރަނީ..އެކަމަކު އެހެން މީހުން ހުއްޓާ ނުލާ އެންމެ ސިކުންތު ކޮޅަކަށް ވެސް.. ބައްޕަ ކަހަލަ ގައިގަ ބާރެއް ނެތް މީހަކު އެކަހަލަ ޖައްބާރުން ތަކަކާއި ކުރިމަތިލާން ދާން ހެޔޮވާނެތަ” ޒާހީގެ ކޮނޑުގައި އަތްބާއްވާލަމުން ޒަބީގް ވިސްނައިދޭން މަސައްކަތް ކުރަމުންދިޔައެވެ.
“އެކަމަކު ވެސް ހެއޮ، ކަލޭމެން އެކަކަށް ވެސް އެކުއްޖާ ނުގެނެވުނެއްނު.. ދެން އަހަރެން ދާނީ”
“ހުރިހާ ދަރިން ދައްކާ ވާހަކަ މިހާރު ޒާހީ އަޑު އަހަންވެއްޖެ އެންނު.. އަހަރެން ވެސް ދެރަވޭ ރުއާ އަށް އެހެންވީމަ..އެހުންނަނީ ފެންފޮދަކުން ނިންމާލެވޭ ވަރު ފަސޭހަ ކަންކަން ވިއްޔަ.. ޒުވާން އުމުރުގަ ހުރި ގޮތްދޫނުކުރުން އަދިވެސް ތިގެންގުޅެނީ.. ޒާހީ ދަންޏާ މަ ވެސް ދާނަން” ޒާހީގެ ގާތައް ކައިރިވެފަ އެންމެ ފަހުން ހާރިސާ ނިކަން ހިތްހަމަ ނުޖެހިފައި ހުރެ ބާރަށް ވާހަކަ ދައްކަންފެށިއެވެ. ކިރިޔާ ވެސް ޒާހީ ބަސްގަބޫލް ކުރާ ގޮތައް މަޑުޖެހިލީ ހާރިސާގެ އެއާދައިންނެވެ. އެ ނުސިޔާނު ވަގުތުކޮޅު ޒައްޔާންއާއި ޒަބީގްގެ ގާތައް ހިނި އައި ނަމަވެސް ހިނިގަނޑު މަތަކޮށްލިއެވެ.
“ހޫމްމް.. އެކަމަކު ކާފައަކަށް ކެތެއް ނުކުރެވޭނެ އެހާ ލަސްވަންޏާ” ހިތާއި ދެކޮޅަށް ޒާހީ ބަސްގަބޫލްކުރިއެވެ.
“އޯކޭ .. އެކަމަކު ދެން ތިހެން ބަސްނާހާ އުޅެން ފަށައިފިއްޔާ އަޒްލާން ގެނެސްފަ ހުއްޓާލާނީ”
އަޒްލާންގެ ނަން ބުނުމާއި އެކުވެސް ޒާހީ އަވަހަށް ނޫނެކޭ ބުނެލި ގޮތުން މިފަހަރު ޒައްޔާންއާއި ޒަބީގްގެ އިތުރުން ހާރިސާއަށް ވެސް ހެވުނެވެ. ޒައްޔާން ބޯޖަހައިލީ ކުޑަ ކުއްޖަކު ރުއްސާލަ ދިން ހެންނެވެ. ޒައްޔާން ނުކުތީ ގޭގައި ގެންގުޅާ މީހަކު އައިސް، ޒައްޔާން އާއި ބައްދަލް ކުރަން މީހަކު ހުރި ވާހަކަ ބުނުމުންނެވެ.
ނުކުމަތް އިރު މެހެމާނުން ބައިތިއްބާ ބައިގެ ވެލްވެޓް ސޯފާ ގޮނޑިއެއްގައި ޝިއާ އިންތަން ފެނިގެން ޒައްޔާންގެ މޫނުގައި ވީހާ އުދާސްކަމެއް ފިލައިގެން ދިޔައެވެ. އެ މައުސޫމް މޫނުމަތީގައިވާ ވިދުމުން ގައިމު ވެސް އޭނާގެ ހިތައް އެނގުން ވެލައިފިއެވެ. އަމިއްލަ އަތައް ބަލަހައްޓާއިގެން އިން ގޮތުން ޝިއާއަކަށް ޒައްޔާންއައިސް ހުއްޓުން އިރުވެސް ނޭނގުނެވެ.
“ކޯޗެއްތަ ތިހާ ވަރަކަށް ތި ބަލަނީ… މްމްމް؟” ޒައްޔާން މަޑުމަޑުން ގާތްވެލާފައި، ޝިއާގެ ކަންފަތްދޮށުގައި ނުހަނު ސިއްރުވެރި ރާގަކަށް އިއްވާލިއެވެ.
ސިހުނުވަރުން ޝިއާގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު ނުކުތެވެ. ތެޅިގަތް ގޮތުން ޝިއާގެ މަޑުމަޑު ކޯތާފަތުގައި ޒައްޔާންގެ ތުންފަތް ބީހިގެން ދިޔައެވެ. ނުވިސްނާ އިންދާ އެކަން ހިނގާ ދިޔުމުން ޒައްޔާންއަށް ވެސް ތެޅިގަނެފައި ދުރަށް ޖެހިލެވުނެވެ. ނަމަވެސް އޭނާގެ ކަޅި ހުރީ ޝިއާގެ ރަތްވެފައިވާ މޫނަށް ހުއްޓިފައެވެ.
“މްމްމް، މީ.. މީ ކުއްލިއަކަށް އައީމަ ސިހުނީ” ޒައްޔާން ބަލަހައްޓާއިގެން ހުރިގޮތުން ވާޙަކަ ދައްކަން ޝިއާއަށް އުނދަގޫވިއެވެ. ލަދުން އިސްޖަހައިލެވުނެވެ. ކޯތާފަތުގައި އަތުގެ ނުފުށުން ހާކާލެވުނެވެ. އެ މަންޒަރު ފެނި ޒައްޔާން ތުންފަތުގައި ކުޅެލީ ސިއްރުވެރި ހިނިތުންވުމެކެވެ.
“ސޮރީ.. މާ ވަރަކަށް އަތައް ބަލާތީވެ.. އަތައް ކަމެއްވީތަ؟.. ދައްކަބަ” ޒައްޔާން ހިފައިލީ ޝިއާގެ އަތަށެވެ. އެ ލުއި ބީހިލުމުން ޝިއާގެ މުޅި ހަށިގަނޑުގައި ކަރަންޓު ރާޅެއް ދުވެލި ކަހަލައެވެ. ކުރުވަމުން ދިޔަ ގޮތް ނޭނގޭ އިހްސާސްތައް ފުންވެ ޝިއާއަށް ތެޅިގަނެވުނެވެ.
“ޔޫ އަރ ބްލަޝިންގ.. ލަދުގަތީތަ؟” ޒައްޔާން ސީދާ ޝިއާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުނެލި ބަސްތަކުން، ޝިއާގެ ނޭވާ ހީވީ ހިނދުކޮޅަކަށް ހުއްޓުނުހެންނެވެ. އޭރުވެސް އޭނާގެ އަތް އޮތީ ޒައްޔާންގެ ބާރުގަދަ އަތުގެ ތެރޭގައެވެ. ބުނާނެ އެއްޗެއް ނޭނގުމުން، މިނިވަންކޮން އޮތް އަތުން ލައިގެން ހުރި ހެދުމުގައި ބާރަށް ހިފާލެވުނެވެ.
“އަމް ނޮޓް.. މީ.. މީ.. ދާން ޖެހިއްޖެ” އެންމެ ފަހުން އެތާގައި ހުންނަން ނުކުޅަދާނަ ވެގެން އޭނާ އުޅުނީ ދާށެވެ. ނަމަވެސް ޒައްޔާން ހުރިގޮތުން އެހާ އަވަހަށް ޝިއާގެ އަތުން ދޫކޮށްލަން އުޅެފާނެހެން ހިއެއް ނުވެއެވެ.
“ކޮންތާކަށް؟ ނުދެވޭނެ އެހާ އަވަހަކަށް … ހިނގާބަލަ ކުޑަކޮން ނުކުމެލަން”
“ޔޫ ހޭވް ޓައިމް؟ ހީކުރީ ރުއާ ހޯދަން ދަނީކަމަށް.. އެހެންވެ ދިއުމުގެ ކުރިން ފެނިލަން މިއައީ” ޝިއާ ބުނެލިއެވެ.
“މިސް ވީ ތަ؟”
ޒައްޔާންގެ އަނގައިން އަނެއްކާ ނުކުތީ ލާނެތް ހިނިތުންވުމެއްގެ އަޑެވެ. ޝިޔާގެ މޫނުން ފަނޑުވި ރަތްކަން އިއާދަ ވީއިރު މަޑުމަޑުން ‘ދެނޭ’ ކިޔައި ކުސްތަޅައިލިއެވެ. މިއަދު އޭނާ ލަދުގަންނަވަން ޒައްޔާން ހިތުލައިގެން ހުރި ދުވަހީބާއޭ ހިތާހިތާ ކިޔައިލެވުނެވެ. ޝިއާއަށް ވަމުން ދިޔަ ގޮތުން ހިތުގައި ހަމްދަރުދީ އުފެދިގެން ޒައްޔާން އެ އަތުން ދޫކޮށްލާފައި އޭނާއާއި އެއް ހަމައެއްގައި ހުރެ ހިނގައިގަތެވެ.
“އެމީހުންނާއި އެއްކޮން އުޅެ އުޅެފަ ގެއަށް މިއައީ ބޭބެ ބުނެގެން.. ކާފަ ވަރަށް ސަކަރާތް ވެފަ މިދުވަސްކޮޅު ހުންނަނީ .” ޒާހީގެ ހާލަތު އެނގޭތީ ޝިއާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ.
ދެ ޒުވާނުން ވާހަކައިގާ ތިބެ ގޮސް މަޑުކޮށްލީ ގަނޑުވަރާއި މާދުރުނޫން ހިސާބެއްގައި ހުރި މާމެލާމެލީގެ ބަގީޗާއަކަށެވެ. ޒައްޔާނުގެ އާއިލާ ދިރިއުޅޭ ގަނޑުވަރާއި އެ ބަގީޗާ ހުރި ހިސާބަކީ ފުދޭވަރަކަށް އުހުގައި ހުރި ފަރުބަދަ ތަކެއްގެ މަތީގައި ހުރި ހިސާބެކެވެ.
ބަގީޗާގެ އެންމެ އެތެރެއަށް، ބިޔަ ގަސްތަކުގެ ހިޔާވަހިކަމުގެ ތެރެއަށް ވަދެވުމުން ފެންނަން ހުރީ، ވަރުގަދަ ބިޔަ ގަހެއްގެ އޮފިތަކުގައި ދެ އުނދޯލި އެލުވާލެވިފައި އިނެވެ. އެ އުނދޯލިތަކުގައި އިށީނދެލުމުން ކުރިމަތީން ފެންނަން އޮތީ ހާމައަށް އޮތް ފަޒާއެވެ. ތިރިން ދުރުދުރަށް ދާންދެން ފެންނަން އޮތީ ފަރުބަދަތަކުގެ ސިލްސިލާއާއި، އެ ފަރުބަދަތަކުގެ މަތިން އޮއިދެމެމުންދާ ރިހިކުލައިގެ ކޯރެވެ. މާހައުލުގައި ފިނިކަމާއި ތެތްކަން ހުރި ނަމަވެސް، ބަގީޗާގެ މާތައް ފަރިވެ ފޮޅިފައިވަނީ ހިތްތަކަށް ދިރުން ގެނެސްދެމުންނެވެ. ވަޔާއިއެކު އަންނަނީ މާތަކުގެ ފޮނި މީރުވަހެވެ.
ގަސްތަކުގެ ތެރޭގައި ހަލަނިކޮށް އުޅޭ ކުދި ކަފަބެއަރތައް، އެސޮރުމެންގެ ކުދިކުދި ލޯތަކުން މި ދެޒުވާނުންނަށް ބޯދިއްކޮށް ބަލަމުން ދިޔައެވެ. ނަމަވެސް އެސޮރުމެންނަށް ނަޒަރެއް ދީފިނަމަ، ދުވެގޮސް ފިލަނީ ހާލިތަކުގެ ރައްކާތެރިކަމުގެ ތެރެއަށެވެ. ބޯމަތިން އުދުހެމުންދާ ކުލަގަދަ ދޫނިތަކުގެ ގޮވުންތަކުން މުޅި މާހައުލުގައި ވަނީ ގުދުރަތީ ފުރިހަމަ މިއުޒިކެއް ގުގުމާލާފައެވެ.
“އިޓްސް ބީން އަ ވައިލް، ފީލްސް ނޮސްޓަލްޖިކް ބިއިންގް ބެކް” އުނދޯލީގެ ދެފަރާތު ވާފަށުގައި އަތް އަޅުވާލަމުން ޝިއާ ބުނެލި އިރު ނަޒަރު ހުއްޓާލައިގެން ހުރީ ދުރުން ފެނިގެންދާ ކުދި ފަރުބަދަ ތަކަށެވެ. އުނދޯލި ހެއްލައިލި އިރު ފަން އިސްތަށިގަނޑު ވައިގެ ތެރޭގައި ވިހުރިގެން ދިޔަގޮތުން، އެ މޫނައް ޒައްޔާންއަށް ބަލަހައްޓައިގެން ހުރެވުނީ ކަޅި ދުރުކޮށްލަން ވެސް ހަނދާން ނެތިފައެވެ. އެ މޫނުމަތިން ފެންނަ މައުސޫމްކަމާއި ހިތްހަމަޖެހުމުން ހީވަނީ ދުނިޔޭގެ އެއްވެސް ފިކުރެއް ނެތް ކުޑަ އަންހެން ކުއްޖެއް ހެންނެވެ. މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައި ވީ ލޯބި ހިނިތުންވުން ފެނި ހިތް ބަންޑުންވިއެވެ.
“ޒައްޔާން؟ އެބައިނިންތަ؟ އަނގައިން ވެސް މީނަ ނުބުނޭ” ޝިއާ އުނދޯލި ހެއްލުން ހުއްޓާލާފައި ޒައްޔާނަށް ބަލައިލީ އޭނާ ޥާހަކަ ދައްކާ ދައްކާ އެއްޗެކޭ ނުބުނުމުންނެވެ. އެ ނަޒަރު އަމާޒުވުމުން ޒައްޔާން އަވަސްއަވަހަށް ދުރު ބަލައިލިއެވެ.
“ވަޓް ހެޕެންޑް؟ މިހާރު އޯކްވާރޑްއޭ.. ކުރީން ދެމީހުން އެހާ ފްރެންޑްލީ.. ސްވިޓްޒަރލޭންޑްގައި ވެސް ދެމީހުން އަބަދު އެއްކޮން އުޅުނީ.. މިހާރު ކީއްވެ؟ ވައި؟” ދެމެދުގައި އޮތް ނުތަވަސްކަމުން އަރައިގަތުމަށް ޝިއާ އިސްވެ ވާހަކަ ދައްކަން ފެށިއެވެ. ޒައްޔާން ބަލާ ގޮތް ތަފާތުކަން އޭނާ ވެސް ދަނެއެވެ. ހުދު އޭނާއަށްވެސް ޒައްޔާން ފެނުމާއި އެކު ވެގެންދަނީ ތަފާތު ގޮތެކެވެ. ކުރިން ހިޔާލެއް ފިކުރެއް ނެތި ވާހަކަ ދައްކާ އުޅުނު ނަމަވެސް، އެ ފިރިހެންވަންތަ ސޫރަ ފެނިއްޖެ ނަމަ، މިޙާރު ނަފްސަށް ވެރިގެންދަނީ އަޖައިބެއްފަދަ ލަދުވެތިކަމެކެވެ. އެހެން ވެގެންދަނީ ކީއްވެކަން އެނގުނު ނަމަވެސް އެފަދަ ކަމަކާއި އިސްވެ ވާހަކަ ދައްކަން ޝިއާ ޖެހިލުން ވަނީއެވެ. ޒައްޔާންއާއި މެދު އޭނާ ދެކޭ ގޮތައް ޒައްޔާން ނުދެކޭ ނަމަ އެ އެކުވެރިކަން ވެސް ނިމުމަކަށް އައީއެވެ. އެހެންވާކަށް ބޭނުމެއް ނޫނެވެ.
“ކީއްވެހެން ހީވަނީ؟” ޒައްޔާން އަހައިލީ ޝިއާގެ ލޮލަށް ބަލަހައްޓާއިގެން ހުރެއެވެ.
“ނޭނގެ.. މިހާރު އަޒްލާން އާއި ލިއަމްމެން ފެނިގެން މާ ފޮނިވެގެން އުޅެނީ.. ނުވިތާކަށް ރަޒަލް އާއި އައްމާރް..އަހަރެން މިހާރު ބާކީ” ޝިއާ ތުން ނެރެލިއެވެ. ޒައްޔާންގެ ބެލުމުން ހިތް ތެޅިގަތް ނަމަވެސް ޝިއާ އެކަން ފޮރުވާލަމުން ޒައްޔާންއަށް ލޯއަޅާލިއެވެ.
“ހަހަހަ.. އެއީ އަހަރެންގެ ރައްޓެހިންނޭ ކުރިން ވެސް… އަޒްލާން އެއީ ކޮއްކޮ އެއްނު.. ލިއަމް އެއީ ބެސްޓް ފްރެންޑް.. ދެން ތިކިޔަނީ ވެސް ކުޑައިރުން ސުރެން މަށާއި ލިއަމް އާއި އެކު އުޅޭ އެކުވެރިންގެ ވާހަކައޭ.. މައި ޑްރާމާ ކްއީން..” ޝިއާގެ ޝަކުވާ އިވި ޒައްޔާން ފެށީ ހޭށެވެ. އެކޯތާފަތުގައި މަޑުމަޑުން ހިފާލިއެވެ. އެހިނދު އެ ކޯތާފަތައް ޖަންބުކުލަ ވެރިވެގެން ދިޔަގޮތުން ވެސް ޒައްޔާންއަށް އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން އުނދަގޫވިއެވެ.
” ތި ލިސްޓުން ވެސް ބާކީ ވީ މަށެއްނު.. ހަހް، ވަޓް އެވާރ! އޯކޭ އޭ.. އަމް ގޮއިންގް!” ޒައްޔާންގެ ގާތުން ޝިއާ ދުރަށް ހިނގައިގަތީ ހަގީގަތުގައި ވެސް ދެރަވެގެންނެވެ. ލޯ ތެމިލުމުން ދާދި އަވަހަށް ހިންދާލިއެވެ. ނަމަވެސް ދެވުނީ ތަންކޮޅަކަށެވެ. އޭނާގެ އަތުގައި ހިފާ ޒައްޔާން ދަމާލި ހިނދު އައިސް ޖެހުނީ އެ މޭގައެވެ. ޝިއާއަށް ސިހިފައި ދުރައްޖެހިލެވުނެވެ. ނަމަވެސް ޒައްޔާން، އޭނާގެ އުނަގަނޑުގައި ހިފައިގެން ހުރިގޮތުން މާ ދުރުކަށް ނުދެވުނެވެ.
“އެނގެއްނު ރުއާގެ ކަންތަކުގަ އަހަރެން މިއުޅޭ ގޮތް.. އެއްވެސް ކަމެއް ނުކޮށް ހުރިހާ ސަމާލުކަމެއް އެކަމަށް ހުއްޓުވާލައިގެން މިހެން އުޅޭތާ މަހެއް ވީ.. ޔޫ އަރ ދި ފަސްޓް ޕާސަން، މިކަމުގެ ތެރެއިން ވަގުތު ހުސްކޮށްގެން މަ ބައްދަލްކުރި.. ގައިމު ވެސް ނުދަން އިތުރު މީހަކާއި އެކު.. ޑޯންޓް ޔޫ ފީލް ، ހައު ސްޕެޝަލް ޔޫ އަރ؟ “ދެލޯ ހަނިކޮށްލައިގެން ހުރެ ޒައްޔާން ވާހަކަ ދެއްކި ގޮތުން، ހިތުގައިވީހާ ޝަކުވާއެއް ފިލައިގެންދާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެއްޗެއް ނުބުނެ ހުރެ ޝިއާ ހީލިތަން ފެނި ޒައްޔަން ދޫ ދިނެވެ.
“މްމްމް، އިޓްސް ޓައިމްޓް ގޯ އަނެއްކަ ވެސް.. އެކަމަކު ބައްދަލް ކުރާނަން އިނގޭ ވީހާ ވެސް އަވަހަކަށް.. ހަނދާން އެބަހުރި ދޯ އަހަރެން، ކޮށްދޭން ބުނި ކަންތަކުގެ މަތިން؟” ޒައްޔާން އަހާލުމުން ހީލާފައި ޝިއާ ބޯޖަހައިލިއެވެ.
“އެހެންވެ އާއި އެއްކޮން މިއައީ.. ޒަބީގް ބޭބެ ގާތު ބުނޭ ދިޔަސް އޯކޭ އޭ.. އަހަރެން މިހުރީ މާމައާއި ކާފަ ކައިރީގަ.. އެމީހުންނަށް ގޮތެއް ނުވާނެ އަހަރެން ހުއްޓަ.. އިންޝާﷲ” ޝިއާ ދިން ޔަގީން ކަމުން ޒައްޔާންއަށް ފިނި ނޭވާއެއް ދޫކޮށްލެވުނެވެ.
***
ޝާހީ ބޮޑު ކޮޓަރި ތެރޭގައި ވަނީ ކަޅު ކަނޑެއްފަދަ އަނދިރިކަމެކެވެ. ކޮޓަރީގެ މެދުގައި ހުރި ބޮޑު އެނދުގެ ތިރީގައި ރުއާނާ އިށީންދެލައިގެން އިން އިރު ދެލޮލުން ތެތްކަން ނުހިކެއެވެ. ކޮޓަރިތެރޭގައި ވީ އެ ހިމޭން ގިސްލުމުގެ އަޑު ހިފާލާފައެވެ. އެއަޑުގައި ހިތްތައް ވިރޭފަދަ އަސަރުތަކެއް ވެއެވެ. ފާއިތުވެ ދިޔަ މަސްއަރު ރުއާނާ ހޭދަކޮށްލީ އެ ކޮޓަރީގެ އެތެރޭގައެވެ. ނިމުން ނުވާ އެ ކަނު އަނދިރި ކަމުގެ ތެރޭގައިއެވެ. އެފަދަ އަނދިރިކަމަކީ ކުރީގައި ނަމަ ރުއާނާގެ ބަލިފައެވެ. ނަމަވެސް ހާލަތު ބަދަލްވެއްޖެއެވެ. ހީވަނީ އަލިކަމަށްވުރެން އެ އަނދިރިކަމަށް މިހާރު މާބޮޑަށް ވެސް އޭނާ ދެވި ހިފާފައި ވާހެންނެވެ. ބަލާބެލުމަށް ހަށިގަނޑުވެސް، ކުރިއަށްވުރެން އަނަރޫފައެވެ. ފުށްކަމެއް ހުންނަ ދެކޯ ވަނީ މެދުނުކެނޑި ރުއިމުގެ ސަބަބުން، ވަޅުވަދެފައެވެ. ދޮން ހަންގަނޑަށް އަރަމުން ދަނީ ހުދުކުލައެވެ.
އެތަނަށް ފުރަތަމަ ގެނައި ދުވަހުން ފެށިގެން ސަލާމަތް ވުމަށް ރުއާނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ގަނޑުވަރުން ނުކުމެ ފިލަން މަސައްކަތްކުރިއެވެ. އެކަމަކު އެކަން އެގޮތަކަށް ނުވިއެވެ. ބިލާލް ނޫނީ ދަރަކްއަށް އޭނާ ފެނެއެވެ. ނޫނީ އެމީހުންގެ ވަފާތެރި އަޅުންގެ މީހަކަށް ނުފެނި ނުނިކުމެވެއެވެ. އެފަހުން އޭނާއަށް އޮންނަނީ ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލުވެސް ބިލާލް މަނާ ކޮށްފައެވެ. ބިލާލް ފިޔަވާ އެހެން މީހެއްގެ ފަރާތުން އަނިޔާއެއް ކުރިމަތި ނުވެއެވެ. އެކަމަކު ހެވެއް ވެސް ނޫނެވެ. ބޭރުން ފެނިއްޖެ ނަމަ ކޮޓަރި ތެރެއަށް ވައްދަނީ، ދެވަނަ ފަހަރަށް އެކަން ތަކުރާރް ނުކުރުމަށް އެދި ނުހަނު އިންޒާރުދެއެވެ. ނަމަވެސް ބިލާލްގެ އަތްދޮށަށް ދިޔަ ކޮންމެ ފަހަރަކު އޭނާގެ އަތުގެ ހަމަލާތައް ރުއާނާގެ މޫނުމައްޗަށް އަރައެވެ. ނުވިތާކަށް ރޮވެންދެން ބަވައެވެ. އެއްބަނޑު އެއްބަފާ ބޭބެގެ ހައިސިއްޔަތުގައި ހުރެ ކޮންމެވެސް މިންވަރެއްގެ ރަހުމަތް ބަހައްޓާނެ ކަމަށް އުއްމީދު ކުރެވުނު ނަމަވެސް އެތަނުގެ އެންމެނަށް ވުރެން ބިލާލްގެ އަމަލުތައް ވަނީ ހައްދުފަހަނަ އަޅާފައެވެ.
ދެން ބައްދަލް ކުރީ ނީލް އެވެ. އޭނާ ފެނުނީ ދެފަހަރުއެވެ. އެއިން ކޮންމެ ފަހަރަކުވެސް ރުއާނާ ފެންނަ ފަށައް އައިސް މަޑުކޮށްލައިގެން ހުރެފައި ދަނީއެވެ. އަނގަޔަކުން ނުބުނެއެވެ. ނުވިތާކަށް މޫނުމަތިން ފޮތިގަނޑުވެސް ނުނަގައެވެ.
“އައި މިސް ޔޫ ސޯ މަޗް ލިއަމް” ލިއަމްގެ ސޫރަ ސިފަވެގެން ދިޔައިރުވެސް ރުއާނާއަށް ރޮވުނެވެ. ހިތް ހީވީ ފިތިގެން ދާހެންނެވެ. އެއް މަސް، ލޯބިވާ އެންމެންނާއި ދުރުގައި ހޭދަ ކުރެވުނު އިރު ކުރެވިގެންދަނީ ހިތްދަތި ވޭނީ އިހްސާސެކެވެ. މިއަދު މާ ބޮޑަށް ރާބިއުގެ މަތިން ވެސް ހަނދާންވަނީއެވެ. ދެލޮލުން ކަރުނަ ހުސްނުވިއެވެ. އެހެން އޮތްވާ ދޮރުގައި ޓަކި ޖަހާ އަޑު އިވެން ފެށިއެވެ. ނަމަވެސް ރުއާނާ އަނގައިން އެއްވެސް ބަހެއް ބޭރެއް ނުކުރިއެވެ. އެގޮތުގައި އޮވެވުނީއެވެ.
“ކޮއްކޯ.. ތެދުވޭ އެއްޗެއްކާން” ކުޑަވަރެއްގެ ޓްރޮލީއެއް ފާޑު އެއްޗެއް ދަމަމުން އެތެރެއަށް ވަނީ އުމުރުން ދުވަސްވީ އަންހެނެކެވެ. އެއީ ގިނަ ފަހަރަށް ރުއާނާއަށް ކާން ގެނެސްދޭ މީހާއެވެ. ކޮންމެ ދުވަހަކުވެސް އައިސް ހިތްހެޔޮ ހިނިތުންވުމަކާއި އެކު ރުއާނާއާއި ކޮންމެވެސް ވާހަކައެއް ދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް ގެންނަ ކާ އެއްޗިހިނުގައި އަތްނުލާތާ ، އެމީހާގެ މޫނަށް ރުއާނާ ބަލައި ވެސް ނުލައެވެ. ނުވިތާކަށް އޭނާ ވާހަކަ ދައްކަން އުޅޭ ކޮންމެ ފަހަރަކު އެކަމަށް ހުރަސް އަޅާ ކޮޓަރިން ނެރެން މަސައްކަތް ކުރެއެވެ.
އޭނާ އުޅުނީ ރުއާނާއަށް ގެނެސްހުރި އާ ހެދުންތައް ކޮޓަރީގައި ހުރި އަލަމާރީގެ ތެރެއަށް ލުމަށެވެ. މުޅިން ވެސް އަގުބޮޑެތި މެކްސީތަކެވެ. އެއިން ކޮންމެ ހެދުމެއް ބަނޑާއި ދިމާލުން ހިމަ ނަމަވެސް ދޫވެފައި ދިގެވެ. ރުއާނާއަށް ހިތްހަމަ ޖެހުމެއް ލިބުނީ، އެހެދުން ތަކުގައި ހުރެ ނަމާދު ކުރެވޭނެތީއެވެ.
އޭރު ގެނެސް ހުރި ޓްރޭތަކުގައި ހުރި މީރު ކާތަކެތިން މުޅި ކޮޓަރި ތެރޭގެ ވަސް ރަނގަޅު ކޮށްލައިފިއެވެ. ކޮޓަރީގެ ބޮކި ދިއްލުން ރުއާނާ މަނާ ކުރުމުން ، އޭނާ ގޮސް ކަހާލީ ދޮރުފޮތިތަކެވެ. އެހިނދު މާޔޫސްކަމާއިއެކު ރުއާނާއަށް އެދިމާލަށް ބަލައިލެވުނެވެ. އެތަނަށް ގެނައި ފަހުން ވީ ދެވަނަ ދުވަހު ރުއާނާ ކުޑަ ދޮރުން ފުންމާލަން އުޅުނެވެ. ގޭގައި ގެންގުޅޭ މީހަކަށް އެ މަންޒަރު ފެނުމުން، އޭގެ ފަހުން އެތަނުގައި ވަނީ ދަގަނޑު ތޭރިތަކެއް ދަމާފައެވެ. މިހާރު އެތަނަށް އިނގިއްޔެއް ކޮއްޕާލުމަކީ ވެސް ނާދިރުކަމެކެވެ. ކުޑަމިނުން ވައިރޯޅިއެއް ވެސް ނުވާންނާނެކަން ގައިމެވެ.
“ކޮއްކޯ.. ރޯނެ ހަކަތަ ވެސް ހުންނާނީ އެއްޗެއް އަރުން އެތެރެ ކޮށްގެންނު.. ތިހެން ނުހަދާ އަމިއްލަ ނަފްސަށް.. ” އާދައިގެ މަތިން އެއަންހެން މީހާ އޯގާތެރި ގޮތަކަށް ބުނެލިއެވެ. އިރުކޮޅަކު ބަލަން އޮވެފައި ރުއާނާ ތެދުވިއެވެ. ރުއާނާ ބަލަން އިންކަން އެނގިގެން އޭނާ ހީލިއެވެ. ކުއްލިއަކަށް ހިތައް ވަތް ހިޔާލުން ރުއާނާއަށް ތުންފަތް ހަފާލެވުނެވެ.
“މިތާގަ އިށިންދެބަލަ” ރުއާނާ އިށީންދެ އިނދެ ދައްކާލީ އޭނާގެ ގާތުގައި ހުސްކޮން އިން ތަންކޮޅަށެވެ. ރުއާނާ އަލަށް ވާހަކަ ދެއްކުމުން އޭނާގެ ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުއްޓެވެ. ނަމަވެސް ރުއާނާ އެކަމަކަށް ނުހަދާ އަނެއްކާ ވެސް އިޝާރާތް ކޮށްލިއެވެ. އެކަމަކު އޭނާ ހުރިގޮތުން، އެރީތި ކޮޓަރީގެ އެހާ ފުރިހަމަ އެނދެއްގައި އިށީނުން އެއީ ތިމަންނަގެ ހައިސިއްޔަތެއް ނޫނޭ ހީވީ ބަސްމޮށުންތެރި ކަމަކާއި ނުލާ ވެސް ބުނެލި ހެންނެވެ.
“އޯކޭ ވާނެ.. އާދޭ” ރުއާނާ ކުރެއް ނުކުރިއެވެ. އެންމެ ފަހުން ނުކެރި ހުރެފައި އިށީންދެލިއެވެ.
“ކޮން ނަމެއް ކިޔަނީ؟” ރުއާނާ އެއްސެވެ.
“މިސްވާ” މިސްވާގެ ރޫޖެހިފައިވާ މޫނަށް ބަލައިލަމުން ރުއާނާ އެހެންހޭ ބުނެލިއެވެ. ކިތަންމެ މައުސޫމްކޮން އިން ނަމަވެސް އެތަނުގެ އެއްވެސް މީހަކަށް އިތުބާރު ކުރަން އޭނާގެ ހިތާއި ސިކުނޑި އިއްތިފާގުން ދެކޮޅެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި މިސްވާ ގެނައި ކާ އެއްޗިސްއަށް ރުއާނާ ބަލައިލިއެވެ. އޭގައި ހުރީ އޭނާ އާންމުކޮން ކައި އުޅޭ ޒާތުގެ ސާމާނެވެ. އެކި ތަށީގައި އެކި އެއްޗިހި ހުރިއިރު، ކުކުޅު ފައެއް ލާފައި ހުރި ބައްތައްޓެއް ނަގަމުން އެނދުގައި ދެފައި ވައްކޮށްލަމުން އޭނާ ހަމަޖެހިލިއެވެ. މިސްވާ ދާނީ އޭނާ ކައި ނިމުމުން ކަން އެނގޭތީ ރުއާނާ ކެއީ ވެސް ނުހަނު ލަސްލަހުންނެވެ. ވީހާ ވެސް ގިނައިރު އޭނާ ކައިރީގައި ބައިންދަން ހީވީ އަޒުމުގައި ހުރިހެންނެވެ. މިސްވާގެ ގާތުގައި ދައްކާނެ ވާހަކަތަކެއް ރުއާނާގެ ސިކުނޑީގައި ރާވާލިއެވެ. އޭނާ މިއަދު ބޭނުން ވެފައި ހުރީ މިސްވާ ކޮންމެ ދުވަހަކު އޭނައާއި ދައްކަން އުޅޭ ވާހަކައެއް އޮޅުން ފިލުވާށެވެ. އެކަމަކު އޭގެ ކުރިން ރުއާނާ ވިސްނީ މިސްވާގެ ސިކުނޑިއާއި ކުޅެލެވޭތޮއެވެ.
“މިސްވާގެ ދަރިން ތިބޭ ދޯ؟ އެމީހުންދެކެ ލޯބިވޭތަ؟”
“ލައްބަ ކޮއްކޯ.. ދެކުދިން ތިބޭ.. ދެ އަންހެން ދަރީން.. ވަރަށް ލޯބިވޭ ދެކުދިން ދެކެވެސް.. އެއީ އަހަރެންގެ ފުރާނަ ކޮއިފުޅާ” ދަރިންގެ ވާހަކަ އެހުމުން އެ މޫނު އުޖާލާވި ވަރުން އެކުދިންނަކީ އޭނައަށް ކިޙާ މުހިއްމު ބައެއްކަން އިޙްސާސްވެއެވެ.
“ހޫމް މަންމައާއި ބައްޕަ ދަރިންދެކެ ލޯބިވާނެތާ ދޯ.. މިސްވާ ދަރިންދެކެ ތި ލޯބިވާހެން ހަމަ އެހެން މީހުން ވެސް އެމީހުންގެ ދަރިންދެކެ ވަރަށް ލޯބިވާނެ.. މިސާލަކަށް މިސްވާގެ ދަރިއަކު މިއަދު އަހަރެން މިހުރި މަގާމުގަ ހުރެއްޖެއްޔާ ކިހިނެތް ވާނެ؟ އޮޅިފައެއް ނޯންނާނެ ބިލާލް މަށައް ކުރާ އަނިޔާތަކެއް.. ތިއީ މިތަނަށް އެންމެ ގިނައިން ވަތް މީހަކީ” ހީލައިގެން އިން މިސްވާގެ މުޅި މޫނުމަތީގެ ކުލަވަރު، އެއިން ކޮންމެ ޖުމަލައަކުން ބަދަލްވެގެން ދިޔައެވެ. އެކަން ވިސްނުމުން އަނެއްކާ ވެސް ރުއާނާ ވާހަކަ ދައްކަން ފެށިއެވެ.
“ހަމަޖެހޭ..ހަމަޖެހޭ.. ކުށްވެރިކަމުގެ އިޙްސާސް ކުރާކަށް މިސްވާ ނުޖެހޭނެ.. އެކަމަކު މިބުނާ ވާހަކައަކީ ތިއީ ވެސް މަ އެއް.. އަހަރެންގެ ވެސް މަންމައަކު އެބަހުރި ދުނިޔޭގަ.. މިތާގަ އަހަރެން މިއުޅޭ ހާލު އެނގުނީމަ އެ މަންމަގެ ހިތައް ކުރާނެ އަސަރު ނިކަން ވިސްނާ.. މިސްވާގެ ދަރިއަކު މިހެން ވަގަށް ވީމަ އެނގޭނީ މި ދައްކާ ވާހަކައިގެ އަސްލު މެއިން ޕޮއިންޓް” ރުއާނާ ވާހަކަ ދެއްކީ ދޮރު ބޭރުގައި ހަރަކާތްތެރިވާ ފާރަވެރިންނަށް ވެސް ފަހްމް ނުވާނެހާ މަޑުންނެވެ.
“އެހެންވެ އެހީވާކަށްނު އަހަރެން މިހުރީ.. އެއްމަސް ވެއްޖެ ތިކުއްޖާއާއި ޥާހަކަ ދައްކަން މަސައްކަތް ކުރާތާ” މިސްވާ ޖަވާބު ދިނީ ރުއާނާ ހައިރާން ކޮށްލާފައެވެ. ކާން އަނގަޔަށް ލީ ބަތް ސުވާއާއި އެކު މުޅި ކުއްޖާ ކޮށި އަރައިގެން ދިޔައެވެ.
”ތިއައީ ރާބިއު ދަރިއެއް ނޫންތަ؟ އަހަރެން މި މަސައްކަތް ކުރަނީ ރާބިއުއަށް އެހީވާން”
ނުހަނު ބާރަށް “ކީކޭ”ހޭ ބުނެލެވުނެވެ. މިސްވާ އިޝާރާތް ކޮށްލީ ހަމަޖެހިލުމަށެވެ. ނަމަވެސް އެއަޑަށް ބޭރުގައި ހަރަކާތްތެރިވަމުން ދިޔަ ދިޔަ ފާރަވެރިއަކު އެތެރެއަށް ވަދެއްޖެއެވެ. ކާންވެގެން ރުއާނާ އެވަގުތު ލައިގެން އިނީ ތަންކޮޅެއް އަތްކުރުކޮން އިން ހެދުމެއް ކަމުން ސިހިފައި އެނދުމަތީގައި އޮތް ރަޖާ ގެނެސް ގައިގާ އޮޅާލިއެވެ. އެއައި އެކު ފާރަވެރިޔާއަށް ބަލައިލީ ރުޅިން ފިއްސާލާ ފަދަ ނަޒަރަކުންނެވެ.
“މީނަ ކޮށިއެރީ” ޖެހިލުންވެ ހުރެ ފާރަވެރިއާއަށް ބަލައިލަމުން މިސްވާ ބުނެލިއެވެ.
“އެކަމަކު ގޭގަ ގެންގުޅޭ މީހުންނަށް ގަނޑުވަރުގެ އެންމެ މުހިއްމު ކޮޓަރިތަކައް އައިސް އެނދުމަތީގަ ތިހެން އިށީންދެ ނޫޅެވޭނެ.. ހަމަ މިހާރު ނުކުމޭ” އޭނާ ކޮށްލީ އަމުރެކެވެ.
“މީނަ މި ކާކުތަ؟ ކަލެއަށް ކޮން ބެހޭ ކަމެއް؟ ދެން ވަރަށް ތާހިރުތަ، ގަނޑުވަރުގެ މުހިއްމު މީހުންގެ ކޮޓަރިއަށް ސަލާމް ނުގޮވާ ބޭނުންވީމަ ވަދެގަތުން؟ އޭން! ގަމާރު! ދެން ފަހަރަކުން ވެސް އައިސް ތި ފާޑަށް ވާހަކަ ނުދައްކާތި!” ގައިގާ އޮޅާލާފައި އޮތް ރަޖާގަނޑުގައި ބާރަށް ހިފަހައްޓާލަމުން، ރުއާނާ އިންތަނުން ތެދުވެ ފާރަވެރިއާގެ ކުރިމައްޗަށް ހުއްޓި އެމޫނަށް ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. އަދި ރަނގަޅަށް އޭނާ ލަދުގަންނުވާލިއެވެ. އިސްޖަހައިގެން ހުރި މިސްވާއަށް ކުޑަކޮން ހެވުނުތަން ފެނި ފާރަވެރިއާ އައި ރުޅިން އަނެއްކާ ވެސް ޥާހަކަ ދައްކަން ފެށިއެވެ.
“އެކަމަކު މަނާ ކަމެއް ވީމ-”
“ކިޙާ ބޮޑު ކަމެއްތަ! ކަލޭ ތިއުޅޭނީ ނީލްއަށް ގޮވާފަ ކަލޭގެ މައްސަލަ ނުޖައްސައިގެންތަ! އޭނަ އިށީނީ މަ ބުނެގެންނޭ! ކަލޭގެ ދެލޯ ވެސް ކަނުވީތަ، މަ މިއިނީ ކުރު ހެދުމެއްގަ..ތި ވަރު މީހަކު އައިސް ދެން ކުޜާނެ ކަމެއް ވެސް ނޭނގޭ! ” ރުއާނާގެ އަޑު ބާރުވަމުން ދިޔައެވެ. އެހިނދު އެކޮޓަރިގެ ބޭރުން ހުރަސް ކަނޑައިލި ދަރަކްއަށް އެ މަންޒަރު ފެނިގެން އައިސްފިއެވެ. އޭނާގެ ފަހަތުން ބިލާލް ވެސް އައިސް ވަނުމުން ރުއާނާގެ މެޔަށް ނުބައިގޮތަކަށް ފިނިވެގެން ދިޔައެވެ.
”ކިހިނެތްވީ؟ މާ އަޑުގަދަ ވަނީ؟” ބިލާލް ހިތްހަމަ ނުޖެހިފައި ހުރެ ސުވާލް ކުރީ ސީދާ ރުއާނާގެ މޫނަށް ބަލައިލަމުންނެވެ. ނަމަވެސް ޖެހިލުން ވުން އެއްފަރާތް ކޮށްލާފައި މިސްވާ ހުރުމުން ހިތްވަރު ލިބިގަނެ ރުއާނާ ވާހަކަ ދެއްކިއެވެ.
“ކަލޭ ތިގެންގުޅޭ ފާރަވެރިންގެ ރަނގަޅު ކަމުން! މިވަރުން ދަންޏާ މިމީހުން އަހަރެން ރޭޕް ވެސް ކޮށްފާނެ… ނުބުނެ ވިއްޔަ އެހަރަ ވަދެގަންނަނީ” ލިބުނު ފުރުސަތުގައި ރުއާނާ ބޭނުންވީ އެ ކަންތައް ރަނގަޅަށް ހިލުވާލާށެވެ. އޭނާ އެގެއިން ފިލައިގެން ނޫން ގޮތަކަށް ކުރާ ކަމެއްގައި ބިލާލް އަމަލު ކުރާ ގޮތް ބަލާލަން ބޭނުންވިއެވެ. އެތަނުގައިވާ އެކަކަށް ވެސް އޭނާގެ ހިތުގައި ރަހުމެއް ނެތެވެ. އެއިން މީހަކަށް ކޮންމެފަދަ ކަމެއް ވީ ނަމަވެސް ރުއާނާއަށް ހެވެވެ. ބިލާލް ގެންގުޅޭނީ ވެސް އެކަހަލަ ނުބައި މީހުންތާއެވެ. ނުވިތާކަށް އެ ފާރަވެރިއާ އެކުރީ ރަނގަޅުވެސް ކަމެއް ނޫންތާއެވެ. އޭނާ ހެދުން ބަދަލްކުރަން ހުއްޓާ ވެސް ، މިވަރުން ދަންޏާ އެއިން މީހަކު ވަދެދާނެ ނޫން ހެއްޔެވެ. އަނެއްކޮޅުން އެ ފާރަވެރިއާއަކީ އޭނާ އެތަނުން ފިލައިގެން ދާން މަސައްކަތް ކުރުމުން އެންމެ ގިނައިން އޭނާ ގެނެސް ބިލާލްއާއި ހަވާލު ކުރި އެކަކެވެ. އެއިން ކޮންމެ ފަހަރަކު ރުއާނާގެ މޫނުމަތީގައި ބިލާލް ޖަހައެވެ. އެކަމުން ވެސް އޭނާގެ ކައިރިން، ރަނގަޅު ބަދަލެއް ރުއާނާ ހޯދަން ބޭނުންވިއެވެ. އަދިވެސް ބިލާލް ޖަހާފައި ހުރި ތަންތާގައި ރިހުން ހުރެއެވެ.
ރުއާނާ އަމިއްލަ ހިތައް ވިސްނާލަ ދެމުން، މޫނުމަތީގައި ހުރު ނުރުހުންތެރިކަން އިތުރަށް ފުން ކޮށްލިއެވެ.
“އޭނަ ކިއްތަ ކުރީ؟” ދަރަކް ވެސް ހައިރާންވެފައި ހުރެ އެއްސެވެ.
“ނުބުނެ އައިސް ކޮޓަރިއަށް ވަދެގަންނަނީ.. އެނގެންވާނެ ދޯ އަހަރެން މީ އަންހެން ކުއްޖެއްކަން! މިތާ އެތެރޭގަ މީހަކު ވެސް އެބަހުރި.. އަނެއްކާ އެއީ ކަލޭމެންގެ މީހެއް.. ކޮންމެވެސް ވަރަކަށް ބޭނުންވާނެ ޕްރައިވެސީ ވެސް..” ރުއާނާ އިޝާޜާތް ކޮށްލީ އޭނާ ހިފަހައްޓައިގެން ހުރި ރަޖާ ގަނޑަށެވެ. ގައިގާ ރަޖާގަނޑު އޮޅަން ޖެހުނު ސަބަބު ކިޔައިދިނެވެ.
“އޭނާ ނުކުމެދާނެ ކަމުގެ ބިރަށް” ފާރަވެރިޔާގެ މޫނުމަތިން ޖެހިލުންވުން ދިޔައީ ފެންނަމުންނެވެ. ނަމަވެސް ރުއާނާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. ރުއާނާ ގޮސް ހުއްޓިލީ ކުޑަ ދޮރުގެ ކައިރިގައެވެ. އޭނާ އިޝާރާތް ކޮށްލީ ދަގަނޑު ތޭރިތަކަށެވެ.
“ސީރިއަސްލީ ބްރޯ؟ މިތަން؟ މިތަން ފަޅާފަ އަހަރެން ދަނީ ކިހިނެތް؟ ދެން ހުރީ މުސްކުޅި ފުރައިގެ އަންހެނެއް..އޭނަ އަމިއްލަ ހާލަށް އުޅެވިގެން ދޯ އަދި މަށައް އެހީވެވޭނީ.. ކަލޭ ހަމަތަ؟ މިދޮރުން ނުކުމެގެން ނޫނީ އަހަންނަކަށް ނުދެވޭނެ ބޭރަކަށް.. ދޮރުން ނުކުމެއްޖެއްޔާ ކަލޭމެންގެ ކުރިމައްޗަށް ދެވޭނީ..ޕިސްޕިސް” ރުއާނާގެ ވާހަކަތައް އިވުމުން މިފަހަރު ބިލާލް ބޯޖަހައިލިއެވެ. ހައިރާންވީ ނަމަވެސް ރުއާނާ އެކުލަވަރު ވަންހަނާކޮށްލިއެވެ. ބިލާލް ނުރުހިފައި ހުރެ ފާރަވެރިޔާގެ މޫނަށް ބަލައިލިއެވެ.
“އެބުނާހެން.. ރުއާނާ މިފަހަރު އެ ދައްކަނީ ރަނގަޅު ވާހަކައެއް.. މަ ވެސް ބުނިން އޭނާ ފިލައިގެން ދާން އުޅޭ އިރު އެކަންޏޭ ހުއްޓުވާނީ.. އެނޫން ގޮތަކަށް އެ ކޮޓަރިއަށް ވެސް ނުވަންޏާށޭ” ދަރަކު ވެސް ރުއާނާއާއި އެއްބައިވެލިއެވެ.
“އަހަރެން ބޭނުމެއް ނޫން މީނަ ދެން މިތާކުން ދެން ފެންނާކަށް.. އަހަންނަކަށް ރައްކާތެރިކަމެއް ނެތް މިކަހަލަ މީހުން މިތާގަ ތިބިއްޔާ” ފާރަވެރިއާގެ މޫނުން ފެނިގެންދާ ޖެހިލުންވުމުން ރުއާނާ އެތެރެއިން ދިޔައީ ހެމުންނެވެ.
“މީނަ މިހާ ގަޓްވެގެން މަށައް އުނދަގޫ ކުރި އިރު މިދުވަސް އަންނާނެ ކަމެއް ނޭނގުނު.. ތިއޮތީ ބަދަލް ހިފާފަ..ހަހަހަ” ހިތުގެ އަޑީން ރުއާނާ ދިޔައި އޭނާއަށް މަލާމަތް ކުރަމުންނެވެ. ހިނިގަނޑު ކޮންޓްރޯލް ނުވެދާނެތީވެސް އޭނާ ހުރީ ބިރުގަނެފައެވެ. އޭނާ މިހުރީ ބިޅާލްގެ އަތްދޮށުގައި ހައްޔަރުވެފައި ކަން ހިނދުކޮޅަކަށް ނަމަވެސް ރުއާނާގެ ހަނދާނުގައި ނެތްކަހަލައެވެ.
“އެނގެއެއްނު ހަނދަންވީ ގޮތް” ބިލާލް ކޮށްލި އިޝާރާތް ނަގައިގަނެވިގެން ދަރަކް ދިޔައީ ފާރަވެރިޔާ ގޮވައިގެންނެވެ. ބިރުގަނެފައި ހުރި ފަދައަކުން އޭނާ މާފަށް އެދެމުން އަދި ދެން އެހެން ނުވާނެ ކަމަށް ބުނަމުން ދިޔައެވެ. ރުއާނާ އަޅާވެސްނުލިއެވެ.
”ހޫމްމް، މިހާރު ހިތްހަމަޖެހިއްޖެ ތަ.. ދެން ކާން އިއްތާ!.. މާދަމާ ބައްޕަ ބުނި ބައްދަލް ކުރާނެ ވާހަކަ” އެހެން ފަހަރު ތަކާއި ހިލާފަށް ބިލާލް ހުރީ ތަންކޮޅެއް މައިތިވެފައެވެ. ވާހަކަ ދެއްކީ ޖެއްސުމަށް ނަމަވެސް އަޑު މަޑެވެ. ނަމަވެސް ރުއާނާގެ ހިތް ބިލާލްއަށްޓަކައި ކިލަނބު ވެފައިވީ ވަރުން އެކަމަކަށް ނުހެއްލެއެވެ. އޭނާ ހުރީ ކޮންމެ ވަގުތަކުވެސް ބިލާލްގެ ފަރާތުން، އައިސްދާނެ ހަމަލާއަކަށް ވިސްނައިގެންނެވެ.
“މިސްވާ، އެހެން ފާރަވެރިއެއް މިހެން ހަދައިފިއްޔާ މަށައް އަންގައްޗޭ! އޭނައަށް ހަމައެކަނި ގޯނާއަށް ކުރާނީ އަހަރެން” ބިލާލް ދަމުން ދިޔައީ މިސްވާއަށް އަމުރުކޮށްލާފައެވެ. ފަހު ޖުމްލައިން ރުއާނާގެ ހިތްތެޅިލި ނަމަވެސް އެކަމާއި މާ ބޮޑަށް ވިސްނާކަށް ބޭނުމެއް ނުވިއެވެ. އެނދުގައި އިށީންދެފައި ރުއާނާ ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އޭރު، މިރޭގެ ކާ ގަޑީގައި ބައްދަލް ވާނެ ކަމުގައި ބުނެ މިސްވާ ވެސް ނުކުތެވެ. އެވަގުތު އިތުރަށް މަޑުކޮށް ވާހަކަ ދެއްކުން އެއީ ބުއްދިވެރިކަމަކަށް ނުވެދާނެކަން ދެމީހުންނަށް ވެސް ވިސްނުނީއެވެ. ނަމަވެސް ރުއާނާހުރީ މިސްވާއާއި ވާހަކަ ދައްކާލުމަށް ނުހަނު ބޭނުންވެފައެވެ. ރާބިއުގެ ނަން އޭނާ ބުނީން ސުރެން، ހަބަރަކަށް ހިތް ތެޅިފޮޅެމުން ދިޔައެވެ.
މުޅި ދުވަސް ފާއިތުވެ އަލުން ރޭގަނޑާއި ބައްދަލްކުރި އިރު ވެސް ރުއާނާ އިނީ މިސްވާ އެނބުރި އަންނާނެ ކަމުގެ އިންތިޒާރުގައެވެ. ކޮޓަރީގެ ތެރެގައި ބުރުޖެހުނު އަދަދެއް ވެސް ނޭނގެއެވެ. ކާ ގަޑި ޖެހުނު އިރު ދޮރުގައި ޓަކި ޖަހާލި އަޑަށް ރުއާނާއަށް ދޫކޮށްލެވުނީ ފިނިފިނި ނޭވާއެކެވެ. އުއްމީދުކުރަމުން ދިޔަ ވަގުތު ވެސް އައިސް ޖެހިއްޖެއެވެ. ނަމަވެސް މޫނުމަތީގައިވީ ހަމަޖެހުން ގެއްލި މާޔޫސްކަން ވެރިވީ މިސްވާގެ ބަދަލުގައި ކާ އެއްޗިހި ހިފައިގެން މިރޭ ބިލާލް އައުމުންނެވެ. ރުއާނާ މޫނުން މާޔޫސް ކަމާއި އެއްވަރަށް ހައިރާންކަން ވެސް ފެނިލިއެވެ. ބިލާލް އެހާ ހެއޮއެދެން ފެށީ ކޮން އިރަކުބާ އޭ ހިތައް އެރިއެވެ. ދުވަހަކުވެސް ކާއެއްޗިސް ހިފައިގެން އެހެން އަދި ނާދެއެވެ.
“ކަލޭ ކީއްކުރަން ތިއައީ؟” ރުއާނާ އަހައިލީ މޫނަށް ފޫހި ވައްތަރެއް ޖައްސާލާފައެވެ.
” ދެން މަ ނޫން ކާކު ދޯ ހުރީ.. އަން މި ކައި.. ބައްޕަ ބޭނުންވޭ އަހަރެމެން ދެމީހުން ގުޅުން ރަނގަޅުވާން.. ލެޓްސް ނޮޓް ފައިޓް” ބިލާލްގެ ވާހަކަ ހުރިގޮތުން ރުއާނާގެ އަނގަ ހުޅުވުނެވެ. އެހެން ހުރެފައި ކޮލުގައި އަތްލިގޮތުން ހީވީ ކަމެއް އަންގާލަން އުޅުނު ހެންނެވެ. އެއީ އެންމެ ގިނައިން ބިލާލްގެ ހަމަލާ އަރާފައިވާ ތަނެވެ.
“ހޫމް ހޫމް.. ބުނާ ބަސް އަހައިގެން ހުރިއްޔާ މަށަކަށް ވެސް ނުޖެހޭނެ އަނިޔާ ކުރާކަށް” ރުއާނާގެ އަމަލުތައް ނަގައިގަނެވި ބިލާލްގެ މޫނަށް ވެރިކޮށްލީ ނުރައްކާތެރި ހިނިތުންވުމެކެވެ.
“އައްޗީޑި.. މަ އެބައުޅެންތަ ކަލޭއާއި ގުޅުން ބަދަހި ކުރަން… ޔަގީނޭ ތިކަމުގެ ފަހަތުގަ ވެސް އޮންނާނެ ނުބައި ރޭވުމެއް..” ބިލާލްގެ އަތުގައި ހުރި ތަށިތައް އަތުން ޖަހާ ދުރައް ވިއްސާލިއެވެ. ރުއާނާގެ ދެލޮލުގައި ވީ ސާފް ނަފްރަތެވެ. އެއަށްފަހު ބިލާލްއަށް ފުރަގަސްދީފައި އުޅުނީ ހިނގައިގަންނާށެވެ. ނަމަވެސް ހުއްޓެން މަޖުބޫރުވީ ރުއާނާގެ އަތުގައި ހިފައި އަނބުރާލި ގޮތައް އެ މޫނުމައްޗަށް ބިލާލް ދޫކޮށްލި އެތިފަހަރުންނެވެ. ބޮލަށް އަރައިގެން ދިޔަ އެނބުރުމާއި އެކު އަނގައިގާ ލޭ ރަހަ ލިއެވެ. ރޮވިފައި ހުރެ ބިލާލްއަށް ބަލައިލާފައި ވެސް ބިރުގަތްވަރުން އިތުރު އެއްޗެއް ރުއާނާ ނުބުނެއެވެ. އެތާގައި ނުހުންނަން ފާހާނައަށް މިސްރާބް ޖެހި ހިނދު ބިލާލް ހިފީ އޭނާގެ އަތުގައެވެ.
“އޭތް!! ދެވަނަ ފަހަރަށް އެ ފާޑަށް ނުފުއްޕާތި!”
ސަހާދަތް އިނގިލި ހިއްލާލަމުން ބުނެލީ އިންޒާރާއި އެކުއެވެ. ބިލާލްގެ މޫނުން ފެނިގެންދާ ނުރައްކާތެރި ވިދުވަރުން ރުއާނާގެ ޅަހިތް ބިރުން ތެޅިފޮޅެމުން ދިޔައިރު، އަލުން އެފަދަ ހިތްވަރެއް އެވަގުތު ކުރާކަށް ނޫޅުނެވެ. ރުއާނާއަށް އެއްޗެއް ނުބުނެވި ހުއްޓާ އޭނާ ނުކުމެ، ބޭރުގައި ހުރި ފާރަވެރިއަކަށް ގޮވާލާފައި އެންގީ އެކޮޓަރިތެރެ ސާފް ކުރުމަށެވެ. އަދި އިތުރު އެއްވެސް ކާއެއްޗެއް ރުއާނާއަށް އެރޭ ނުދިނުމަށް އަމުރު ކުރިއެވެ. ބިލާލް އެންގިހެން އެމީހުން އައިސް ކޮޓަރިތެރެ ސާފްކުރިއެވެ. އެހުރިހާ އިރު ހިފަހައްޓައިގެން ހުރި ކަރުނުތައް ބޭރުކޮށްލެވުނީ ދޮރު ލައްޕާލާފައި އެމީހުން ނުކުތް ހިނދުއެވެ.
ކޯތާފަތުގައި އަޅަމުން ދާ ވޭނަށް ވުރެން އޭނާގެ ހިތައް ވަމުން ދިޔަ އުނދަގޫ މާ ބޮޑުވިއެވެ. ކޮންމެ ފަހަރަކު އެފަދަ ޒުވާބުތައް ނިމިގެންދަނީ އެކަހަލަ ގޮތަކަށެވެ. ރުއާނާގެ ގަޔަށް ބިލާލް އަތް އިސްކޮށްގެންނެވެ. ބިރުން ހުރެ ވެސް، ބިލާލްއާއި ގާތްކޮން ވާހަކަ ދެއްކުން އެއީ އޭނާ ކުޜާނެ ކަމެއް ނޫނެވެ. އިރުކޮޅަކު ރޮއެލުމަށްފަހު އޮތްތާލީ ނިދާލެވެތޯއެވެ. އަނެއްކާ ވެސް އިންތިޒާރު ކުރެވެން ފެށުނީ ހެނދުނު މިސްވާ އަންނާނެ އިރަކަށެވެ.
އާފަތިހަކަށް މަރްހަބާ ކީ އިރު ރުއާނާ އިނީ ހޭލައެވެ. ސޯނާގަޑިއެއް ނުވަތަ ފޯނެއް ނެތިވެސް އެގަޑިއަށް އަބަދުވެސް އޭނާއަށް ހޭލެވެއެވެ. ނަމާދުކޮށް ނިމިގެން ގޮސް އެދުނގައި އިށީންދެލިއެވެ. އެއީ އޭނާގެ ދުވަސް މިހާރު ހޭދަވެގެން ދާ ގޮތެވެ. މިގަޑީގައި ހޭލައިގެން ލިއަމްއަށް ގޮވާ އަދި ދެމީހުން އެކީގައި ހޮސްޕިޓަލަށް ދާ ހަނދާންތައް ހިތާއި ސިކުނޑީގައި ކޮއްޓާލުމުން ދެލޯ ފެންކަޅި ވެއްޖެއެވެ. ބާލީހެއްގައި ބުރަކަށި ހަރުލައްވާލަމުން ރުއާނާ އިނެވެ. ލިއަމްއާއި މެދު ވިސްނުމުގައި ވަގުތު ހޭދަ ކުރިކުރިހެން ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވި އިތުރެވެ. އެފަދަ ހާލެއްގައި ވަނިކޮން ދޮރުގައި ޓަކި ޖެހިއެވެ. ދެލޯ ފުހެލަމުން ގޮސް ހުޅުވާލި އިރު ކުރިމަތީގައި ހުރީ ދަރަކްއެވެ.
“ތިރިއަށް ކާން ބަލާ މިއައީ” ދަރަކްގެ ޖަވާބުން ރުއާނާއަށް ބަލައިލި ލެވިއްޖެއެވެ. ކޮޓަރިން ބޭރަށް ނުކުތުން މަނާ ކޮށްފައި އޮތްވާ އެފަދަ ދައުވަތެއް ލިބިދާނެ ކަމަކަށް އުއްމީދެއް ނުކުރެއެވެ.
“ރޭގަ ބިލާލް ބުންޏެއްނު ނީލް ބައްދަލް ކުރާނެ ވާހަކަ.. އެބައިން އިންތިޒާރުގަ..އާދެ”
ލައިގެން ހުރި ކަޅު ކުލައިގެ ދޫ ހެދުން ރަނގަޅުކޮށްލަމުން ދަރަކްގެ ފަހަތުން ރުއާނާ ނުކުމަތެވެ. ދުވާލުގެ ވަގުތު ނަމަވެސް އަލިކަމުގެ އެންމެ ދޯދި ފަށެއް ވެސް ގޭތެރެއަކު ނުވެއެވެ. ދެފަރާތުގައި ވަނީ ފަނޑު އަލިކަމެވެ. ރުއާނާ ދިޔައީ ތަނުގެ ތެރެ ރަނގަޅަށް ދިރާސާ ކުރަމުންނެވެ. ރުއާނާގެ ކޮޓަރި ބޭރުގައި ތިބި ފާރަވެރިންނާއި އެ ކޮޓަރިއަށް ކާން ގެންނަ އެންމެން މޫނު ފެންނަހެން ތިބިކަމުގައި ވިޔަސް، މުޅިންވެސް ގޭތެރެއިން ފެނިގެންދަނީ މޫނު ފޮރުވައިގެން އުޅޭ މީހުންނެވެ. ލޯވެސް ފެނިލަނީ ކިރިޔާއެވެ. ތިބެނީވެސް އެމީހުން ލާ ޒާތުގެ ކަޅު ހެދުމުގައެވެ.
ފުޅާ ސިޑީން ފައިބައިގެން ގޮސް ވަނީ އެންމެ ތިރީބައިގާ ހުންނަ ކާކޮޓަރީގެ ތެރެއަށެވެ. ޖާގަ ތަނަވަސް ކޮޓަރީގެ ތެރޭގައި ދިއްލާފައިވާ ބޮޑެތި ޗާންދަލިޔާތަކުގެ އޮރެންޖް އަލިތައް ވަނީ މާހައުލު ހުޅުދާން ކޮށްފައެވެ. މެދުގައި ހިމަ ދިގު މޭޒެއް އިނެވެ. އޭގެ ކޮޅުގައި ނީލް އިން އިރު އޭނާގެ ކަނާއަތް ފަރާތުގައި ބިލާލް އިށީންދެ އިނެވެ. އޭރު އެމީހުންގެ ހިދުމަތުގައި އެތައް އަޅުންނެއް ހަރަކާތްތެރި ވަމުން ދިޔައެވެ.
“އިށީންދޭ” ރުއާނާ އިށީނުމަށް ދަރަކް ދުރު ކޮށްލަދިނީ ނީލްގެ ވައަތް ފަރާތައް އިން ގޮނޑިއެވެ. ޖެހިލުންވެ ހުރެފައި އިށިންދެލީ އަތުގެ އިޝާރާތުން ނީލްވެސް އިށީނުމަށް އަންގާލުމުންނެވެ. އެމީހުންނަށް ފުރުސަތު ދީފައި ދަރަކް ވެސް ނުކުމެގެން ދިޔައެވެ.
“ވެލްކަމް ހޯމް، މައި ޑޯޓަރ” ނީލްގެ ބަރު އަޑު ފުރަތަމަ ފަހަރަށް އިވުމުން ރުއާނާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އެއަޑުން އެކަނިވެސް މުޅި ކުއްޖާގެ ހަށިގަނޑުގައި ދައުރުވެލީ ނަފްރަތުގެ ގަދަ ހޫނެވެ. ހަނދާންވީ ހޫރައިންގެ ހާލަތެވެ. ލޯބިވާ މަންމަ ވަކިވުމުގެ ކުރިން ދިން އަނިޔާތަކުގެ މަތިން ހަނދާންވި ނަމަވެސް އަތް މުށްކެވެއެވެ. ހޫރައިން ގެއްލުނުތާ ކުޑަ ދުވަސްކޮޅެއްފަހު، އޭނާގެ ނުބައިކަން ރާބިއު ވަނީ ކިޔައިދީފައެވެ. އެއަށްފަހު އޭނާއަށް ކަންކަން އެނގެން ފެށީން ސުރެން ވަމުންދިޔަ ގޮތް ވެސް އެނގެއެވެ. ވީއިރު އެ ރުޅި މާބޮޑަށް ވެސް ހައްގުތާއެވެ. އެވަގުތު އެދެމީހުންގެ މޫނު ނޮޅާލަން ބޭނުންވިއެވެ. ނަމަވެސް ރުއާނާ ކެތްތެރިވީ މިސްވާގެ މަތިން ހަނދާންވެފައެވެ. ދެނެގަންނަންޖެހޭ ކަންކަން ހުރުމުން ހިމޭންވެގެން އިނުން ފާޑަކަށް މަޖުބޫރެވެ.
”ކާން ފަށާ”
އިރުކޮޅަކު އެއްޗެއް ނުބުނެ އިނުމަށްފަހު ނީލް މޭޒުމައްޗަށް އިޝާރާތްކޮށްލިއެވެ. ރުއާނާ ބަލައިލިއެވެ. މުޅިންވެސް އޭނާއަށް ކަމުދާ އެއްޗިއްސެވެ. އެހެން ނަމަވެސް ރުއާނާގެ ހިތައް ވެރިވެގަތީ އިންތިހާ ދަރަޖައިގެ ފޫއްސެކެވެ. އެ ކަން އެމޫނުން ވެސް ފެނިލިއެވެ. އެއްޗެއް ނުބުނެ އެންމެ ގާތައް ހުރި ތަށީން ބިސްގަނޑެއް ނެގުމަށްފަހު އޮރެންޖް ޖޫސް ތައްޓެއް ކައިރިކޮށްލިއެވެ. އެނޫން އިތުރު އެއްޗެއް އޭނާ ނުކެއެވެ. ކެއިލެއް އަވަސްކަމުން އެތަކެތީގައި ދިން ރަހައެއް ވެސް މުޅިއަކުން ނޭނގުނެވެ. ތަށި ހުސްވުމުން އިންތަނުން ތެދުވެލީ ނަމަވެސް ހުއްޓެން މަޖުބޫރުވީ ނީލްގެ އަޑުންނެވެ.
“އަދި މަޑުކޮށްބަލަ.. ކަމަކު އޭ މިގެނައީ” ދެތުންފަތް ފިއްތާލައިގެން ހުރެ ރުއާނާ ފަސް އެނބުރިލިއެވެ.
“ކިހިނެތް ވީ؟” ފުރަތަމަ ފަހަރަށް ނީލްއާއި ވާހަކަ ދެއްކިއެވެ. އެކަން ކުރަންޖެހުމުން ވެސް ރުއާނާގެ އަމިއްލަ ނަފްސަށް އަޑުލައިގަނެވުނެވެ.
“ކޮންތާކަށް ނުދެވިގެން ތިއުޅެނީ؟އެބުނީނު ކަމަކު އޭ ގެނައީ.. ދެން އިށީންނަން ވީނު”
“ކަލެއަށް ކީއްތަ މަ ދިޔަސް، ނޫނީ މިތާގަ އިނަސް! މަ ސުވާލް ކުރީ ނީލް ކުރެންނޭ!”ބިލާލް ވާހަކަ ދެއްކިގޮތުން ކިތަންމެ ހިތްވަރުކޮށްގެން ހުރި ނަމަވެސް އިޙްސާސްތަކުން ބައެއް ނުދައްކާލާ ރުއާނާއަކަށް ނުހުރެވުނެވެ.
ނީލް އިންދާ، ރުއާނާ ވާހަކަ ދެއްކި ގޮތުން ބިލާލްގެ މުޅި މޫނު ރަތްވެގެން ދިޔައެވެ. ރުޅިގަދަ ވި ވަރުން ކޮޅަށް ތެދުވެވުނެވެ. އިތުރު ހަމަ ނުޖެހުމެއް ހިނގާފާނެތީ ކަންނޭގެއެވެ. ނީލް ވެސް އިންތަނުން ތެދުވެ މޭޒުގައި ޖަހާލަމުން ދެމީހުންގެ މޫނަށް ބަލައިލިއެވެ.
“ބިލާލް، ތަންކޮޅެއް އަދަބުވެރިކޮން ޥާހަކަ ދައްކަން ވީނު؟ އޭނާ ރީތިކޮން އެހީމަ ބިލާލް ނުޖެހޭ ތިހެން ވާހަކަ ދައްކާކަށް؟” ނީލްގެ އަޑު އިވުނީ ބިލާލް ދުވަހަކު ނާހާ ބާރަށެވެ. އެއަޑަށް ބޭރުގައި ހުރި ދަރަކްވެސް ދުވަމުން ދުވަމުން އެތެރެއަށް ވަނެވެ. ރުއާނާ ހައިރާންވީ ވަރުން ހަރަކާތެއްވެސް ގެންނަން ނޭނގިފައި ހުރެވުނީއެވެ. ބިލާލްގެ މޫނަށް ބަލައިލި އިރު އޭނާ ރުޅިން ތުރުތުރު އަޅަމުން ދަނީއެވެ.
“މާފުކުރޭ!”
“މްމްމް، އިށީންދޭ!”މިފަހަރު ނީލް ޥާހަކަ ދެއްކީ މަޑުމަޑުންނެވެ.
“ރުއާނާ ކައިރީގަ ކާކު ބުނީ އަހަންނަށް ކިޔަނީ ނީލްއޭ؟” އޭނާ އަހައިލި ގޮތުން ރުއާނާއަށް ދެލޯ ހަނިކޮށްލެވުނެވެ. އެބުނީ ކީކޭ ކަން އެއްގޮތަކަށް ވެސް ފަހްމް ނުވީއެވެ.
”މިބުނީ، ބައްޕައަށް ކިޔާ ނަން ކާކުގެ ފަރާތުންހޭ އިވުނީ؟” ނީލް ބުނެލިއެވެ.
“މަންމަ” މަޑުމަޑުން ޖަވާބު ދިން އިރު ބަލައިލެވުނީ ނީލް، އަމިއްލަ މޫނުމަތި ފޮރުވަން އަޅާފައިވާ ފޮތިގަނޑުގައި އަތްލުމުންނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން ހީވީ ނަގަން އުޅޭހެންނެވެ.
އެ ހީ ޔަގީންނަށް ބަދަލުވީ ފޮތިގަނޑު މަޑުމަޑުން މައްޗަށް ޖައްސަން ފެށުމުންނެވެ. ނޭނގޭ ސަބަބަކާއި ހުރެ ހިތްތެޅެމުން ދިޔައިރު ރުއާނާއަށް ބަލައިލެވުނީ ބިލާލްގެ މޫނަށެވެ. އޭނައާއި ދަރަކްވެސް ތިބީ އެ މަންޒަރުން ބޮޑު ހައިރާންކަމެއް ލިބިފައެވެ. ފޮތިގަނޑު އެއްކޮން ހިއްލާލާފައި ރުއާނާއަށް އެ މޫނު ދައްކާލި ހިނދު މުޅި ކުއްޖާ ދިޔައީ ސިހިގެންނެވެ. ނިތްކުރިއާއި ލޮލާއި ނޭފަތް ހިމެނޭހެން، މޫނުގެ އެއްފަޅީގައި އިނީ ކަޅުކުލައިގެ ބޮޑު ލަކުނެވެ. ސިފަ ވެސް ވަކި ނުވެއެވެ. އެހިސާބުގައި ހަންގަނޑުވެސް ގޮތްޖެހި އެގޮތް މިގޮތައް ހުރިއިރު ޖަހަނީ ބިރުވެރި ސިފައެކެވެ. ދިގު ތުނބުޅި މޭކަށިކަނޑާއި ހަމައަށް ހުރި އިރު ، ގަދަ ޗޮކްލެޓްކުލައިގެ ތުންފަތުގައި ކުރަކި ކަމެއް ފެންނަމުން ދިޔައެވެ. އޭނާގެ ދެލޮލުގައި ޥާ ވިލުނޫކުލައިގެ ކަޅީގައި ވަނީ ކޮންފަދަ އަސަރެއް ކަމެއް ރުއާނާއަކަށް ދެނެގަންނާކަށް ނޭނގުނެވެ. ނަމަވެސް މުޅި ކުއްޖާގެ ހަށިގަނޑަށް އެ ސޫރަ ފެނުމުން ޒާތެއްގެ ހިއެއް އެރިއެވެ.
“ދަރިފުޅާ .. ގެނެސްފަ ތިހިރީ އެނބުރި ނުދެވޭހެން.. އެހެންވީމަ ބައްޕައަކީ ކާކުކަން އަންގާލަ ދޭނަން..ރުއާ ކައިރީގަ ހޫރައިން ތިބުނީ އޭނާގެ ގާތުގައި އަހަރެން ބުނާށޭ ބުނެލި ނަން.. ބައްޕައަށް ކިޔަނީ ނީލް އެއްނޫން، އެކަމަކު ނިޔަލް” އެތައް ދުވަހަކު ނީލްގެ ނަމުގައި އުޅެފައި ފުރަތަމަ ފަހަރަށް އަމިއްލަ ނަން ނިއަލް އިއްވާލި އިރު ރުއާނާއަށް ހުރެވުނީ ކުޑަވަރެއްގެ ސިހުމެއްގައެވެ.
“މިހުރިހާ ދުވަހު ރުއާ ގޮސް ތިހުރީ ބައްޕަގެ އެންމެ ބޮޑު ދުޝްމަނުންގެ ގާތު.. ކިހިނެތް އެތާގަ ބަހައްޓާނީ… އިޒާން އަކީ އަހަރެންގެ އެންމެ ބޮޑު ދުޝްމަނު.. އެހެން ވީ އިރު އޭނާގެ ދަރިން ވެސް އެއީ އަހަންނަށް ދުޝަމަނުން..” ނިއަލް މިފަހަރު ދެއްކި ޥާހަކައިން ރުއާނާއަށް ތެޅިގަނެވުނެވެ. ހަނދާންވީ ލިއަމް ކިއައިދީފައިވީ ވާހަކަތަކެވެ. ލިއަމްގެ މަންމަ ޒީވާގެ މާޒި ތަފްސީލަށް ނުދިޔަ ނަމަވެސް އޭނާގެ ސުވާލާއި އެކު ލިއަމް ލުއި ޖަވާބެއް ދިނެވެ.
‘މަންމައާއި ބައްޕަ ގުޅިގެން އުޅެނިކޮން މަންމަގެ މުޅި ދިރިއުޅުން ނިއަލް ކިޔާ މީހަކު ހަލާކު ކޮށްލި.. ހީ ރޭޕްޑް ހަރ..އެކަމަކު އިންދި އިންޑް ނިއަލް މަރުވި’
ލިއަމްގެ އެ ޖުމްލަތައް ސިކުނޑީގައި ގުގުމާލި ހިނދު މުޅި ކުއްޖާ ހުއްޓުން އަރައިގެން ދިޔައެވެ.
****
(ނުނިމޭ)