“މްމްމް، އަމިއްލަ ދަރިއަކަސް ދެން އެހެން އުނދަގޫ ބޮޑުވަންޏާ ޖެހޭނީ ގޮތެއް ހަދަން.. އެއެއް ނޫނޭ، ޖިނާން އަންނަ ވާހަކަ ބުނީމެންނު.. ކޮން އިރ-”
ޖިނާންގެ ނަން އިވުމާއި އެކު، ޒަންޔާއަށް ލިބުނު ސިހުމާއި އެކު ތެޅިގަތް ވަރުން އަރިއަޅާލާ ގޮތްވިއެވެ. އޭނާއަށް ހިފުނީ ކައިރީގައި ހުރި ގަސްބޮނޑީގެ ހިމަ އޮފިގަނޑެއްގައެވެ. އެއާއެކު މުޅި ގަސްތައް އެކުއެކީގައި ތެޅިގަނެ، ހިކި ފަތްތަކުގެ އަޑު ވައިގާ ހިފާލިއެވެ.
“ކާކު؟ކާކު؟” ލިބުނު ކުއްލި ސިހުމަކާއެކު، ބިރުގަނެފައި ހުރި ރާގަކަށް ޝާއިރާ ގޮވާލިއެވެ. ޒަންޔާގެ ހިތް މޭގެ ތެރެއިން ފުންމާލަން އުޅޭ ފަދައެވެ. ރޮވެމުން ދިޔައިރު، ކުރިއަށް ދާނެ ނުވަތަ މަޑުކުރާނެ ގޮތެއް ނޭނގި، އޭނާ ގަނޑުވެފައި ހުރެވުނީއެވެ.
***
ދެތިން ފުން ނޭވާއަށްފަހު ހަމަޖެހެން މަސައްކަތް ކުރަމުން ޒަންޔާ ބަލައިލިއެވެ. އޭރު ޝާއިރާ އެދިމާލަށް އަންނަނީއެވެ. ވަރަށް އަވަސްކޮށްގެން ނޫނީ އޭނާއަށް ނުފެނި ގެއަށް ނުވަދެވޭނެތީ ޒަންޔާ އިތުރު އެންމެ ސުކުންތެއް ވެސް ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. ވައިރޯޅިއެއްހާ ހަލުވިކޮން ބަދިގެ ތެރެއަށް ވަނެވެ. ހިތް އަވަސްވެފައި ހުރިވަރުން، ކާމޭޒުމަތީގައި އޭނާ ކުރިން ބޭންދި ފެންފުޅީގެ މަތިން ވެސް ހަނދާނެއް ނެތެވެ.
“ކާކު؟ ކާކު ހޭ؟”
ފިޔަވަޅުގެ އަޑެއް ނީއްވާ، އެހެނަސް ހަލުވި ހިނގުމުގައި ސިޑީން އަރައިގެން އައި އިރު ގޭތެރެއަށް ވަދެގެން އައި ޝާއިރާ ގޮވާއަޑު އިވިއްޖެއެވެ. އަނގަމަތީގައި އަތް އަޅާލައިގެން ހުރެ ކޮޓަރީގެ ދޮރު ލަސްލަހުން ހުޅުވާލާފައި އެތެރެއަށް ވަދެވުނު އިރު، ސިހުނީ އެނދުގައި އިށީންދެ އިން ވިޝާމް ފެނިއެވެ. ހުއްޓުން އެރި ނަމަވެސް އެހިސާބުން، ހިފަހައްޓަމުން ދިޔަ ކަރުނުތައް އޭގެ މަގާމުން ދޫވެއްޖެއެވެ. ތުންފިއްތާލެވުނު ނަމަވެސް އަޑުވެސް ދިޔައީ ފަހަރަކަށް ވުރެން ފަހަރެއް ބާރަށް ނުކުންނަމުންނެވެ.
“ހެއި ހެއި… ކިހިނެތް ވީ؟” ޒަންޔާ އެފަދައިން ރޮމުން ދިޔަތަން ވިޝާމްއަށް ފެނުނީ މުޅިން އަލަށެވެ. ގާތައް އާދެވުނު ގޮތްވެސް ނޭނގުނެވެ. އައިސް ހުރި ނިދިކޮޅުވެސް ފިލައިގެން ދިޔައެވެ. ޒަންޔާގެ އަތުގައި ހިފާލައިގެން ގެނެސް ބެއިންދީ އެނދުގައެވެ. އަދި ގަޔާއި ކައިރިކޮށްލިއެވެ.
“މީހަކު އެއްޗެއް ބުނީތަ؟ ކިހިނެތް ވީ؟ ތަނަކަށް ތަދުވަނީތަ؟” ވިޝާމްއަށް ހާސްވެ އިނދެ އެތައް ސުވާލެއް އެއްފަހަރާ ކުރެވެމުން ދިޔައެވެ.
ނަމަވެސް ޒަންޔާގެ ދުލުގައި ވަނީ ތަޅެއްލެވިފައެވެ. ބަސްހުއްޓިފައި އިން އޭނާއަށް ކުރެވުނު ހާވެސް ކަމަކީ ދެފަރާތަށް ބޯހޫރުވާލުމެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ އިރުކޮޅެއް ކުރިން ޝާއިރާގެ ދުލުން ބޭރުވި ބިރުވެރި ބަސްތަކެވެ. މާކިން ދުނިޔޭގައި ހުރިކަން އެނގުމުން ލިބުނު އުފަލަށްވުރެ، އޮތް ނިކަމެތި ހާލަތު ހިތަށް އެރުމުން ލިބުނު ހިތްދަތިކަން މާ ބޮޑެވެ. މިރޭ، ޝާއިރާގެ ވާހަކަތައް އިއްތިފާގުން ވެސް އަޑު އިވުނީ އެ ނުބައި އަންހެނާގެ ނުބައިކަން ހާމަވާން ކަންނޭގެއެވެ. މާކިން މަރުނުވާކަން އެނގުނު އިރު މާކިން އޮތީ އާދައިގެ ހާލަތެއްގައި ނޫންކަން ޔަގީންވެއްޖެއެވެ. މާކިން އޮތް ހޮސްޕިޓަލޭ ބުނެ ޝާއިރާ ބުނެލި ވާހަކަ ހަނދާންވާ ކޮންމެ ފަހަރަކު ހިތައް ވަމުން ދިޔައީ ނުބައި ގޮތެކެވެ. އެދުވަހު އިވުނު ވަޒަން މާކިންގެ ގަޔަށް ހަމަ އެރީ ހެއްޔެވެ. ޔަގީނުން ވެސް މާކިންއަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ. ހުސް ސުޥާލެވެ. އެ ސުވާލްތަކުގެ ޖަވާބު ހޯދަން ހިތް ތެޅިފޮޅެމުން ދިޔައިރު މެޔަށް ވަމުން ދިޔައީ ނުބައި ގޮތެކެވެ.
”އަޅެ ޒަން، ވީ ގޮތެއް ނޭނގެންޏާ އަހަރެން ވަރަށް ހާސްވާނެ.. ޝާއިރާ ފެނުނީތަ ؟ ނޫނީ މަންހާ؟ އެއިން މީހަކު އެއްޗެއް ބުނީތަ؟” ވިޝާމް އަނެއްކާ ވެސް ހާސްކަން މަތީގައި އިނދެ އަހަންފެށިއެވެ. ޓިޝޫއެއް ގެނެސް ޒަންޔާގެ މޫނު ސާފް ކޮށްލަ ދޭން އުޅުނެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މޫނު ރަތްވެގެން ދިޔައިރު އަދިވެސް ދެލޮލުގައި ވީ ސާފް ކަރުނައެވެ.
“ނު.. ނޫން.. އަމް ފައިން”
“ފައިން އޭ؟ ރޯން އިނދެ ވެސް ތިބުނަނީ ފައިންއޭ.. ނިކަން ބުނެބަލަ، ކިހިނެތް ވީ؟” ޒަންޔާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލަމުން ވިޝާމް އަހައިލީ ނުހަނު އޯގާތެރިގޮތަކަށެވެ.
“އިފް އައި ޓެލް ޔޫ، ވުޑް ޔޫ ހެލްޕް މީ؟” ޒަންޔާ އަހާލިއެވެ. ޔަގީނުންވެސް ކޮންމެވެސް މީހެއްގެ އެހީތެރިކަން އޭނާ މިވަގުތު ބޭނުމެވެ. ހާއްސަކޮން ވިޝާމްގެ އެހީތެރިކަމެވެ. ޝާއިރާއަށް ފާރަލައިގެން ވެސް ކަންކަން ދެނެގަނެވޭނީ ވިޝާމްގެ އެހީއާއި އެކުގައެވެ. ވިޝާމް ބޯޖަހައިލުމުން ޒަންޔާ ވަކި އެއްޗެއް ނުބުނެ ބޯ ޖަހައިލިއެވެ.
” ކުޑަކޮން ހަމަޖެހިފަ ނޫނީ އަހަންނަކަށް ރަނގަޅަކަށް ނުކިޔޭނެ.. ކޮންމެވެސް ރަނގަޅު ވަގުތަކުން ކިޔައިދޭނަން.. އޯކޭތަ؟” ޒަންޔާ ބުނެލި ހިނދު ، އެގޮތް ކަމު ނުދިޔަ ނަމަވެސް ވިޝާމް ބޯޖަހައިލަމުން އެއްބަސްވެލިއެވެ. އޭނާ ބޭނުންވީ އެވަގުތު ވެސް އެވާޙަކަ އަޑުއަހާށެވެ.
“އާދޭ އޮއްތާލަން” ޒަންޔާ ގެންގޮސް އެނދުގައި ބާއްވާލަމުން ވިޝާމްވެސް ކައިރީގައި އޮއްތާލިއެވެ. ނަމަވެސް ޒަންޔާ އެނބުރުނީ ވިޝާމްއާއި ފުރަގަސް ވާހެންނެވެ. އެހެން އޮވެ ވެސް ރޮމުން ދިޔަކަން އެނގިގެން ވިޝާމްއަކަށް ދުރަކު ނޯވެވެވުނެވެ. އެހިމަ އުނަގަނޑުގައި އަތްއަޅުވާލަމުން ގާތައް ދަމާލާފައި އަތްމަތީގައި ޒަންޔާގެ ބޯ ބާއްވާލަދިނެވެ. ފަހަތުން ޒަންޔާގެ ގައިގާ ނުހަނު ބާރަށް ބައްދާލި އިރު، ބޮލުގައި ފިރުމާލަ ފިރުމާލަ ވިޝާމް އޮތެވެ. ޒަންޔާއަށް ނިދުނީވެސް އެހެން ވިޝާމް އޮތްވައެވެ. އެކަމަކު ފަތިސް ވެގެން އައި އިރުވެސް ވިޝާމްގެ ލޮލަށް ނިދި އަންނަ ގޮތެއް ނުވިއެވެ.
އެންމެފަހުން ގަސްތުކުރީ އެނދުން ތެދުވެ ނަމާދުކޮށްލުމަށެވެ. ގެއާއި މާ ދުރުނޫން ހިސާބެއްގައި މިސްކިތް ހުންނާތީ ގޭގައި ނަމާދުކުރަން ނޫޅެ ނުކުތީ މިސްކިތައް އެރުމަށެވެ.
ގުރުއާން ކިޔަވާލަން އިރުކޮޅަކު އިނނުމަށްފަހު މިސްކިތުން އެނބުރި އައި އިރު ޒަންޔާ ހޭލައިގެން ބަދިގޭގައި އުޅޭތަން ފެނުމުން ފުރަތަމަ ވަނީ ބަދިގެއަށެވެ. އޭރު ތަންކޮޅެއް ދުރުން ނާޔާ އާއި އާމިލާ ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ.
ވިޝާމް ފެނުމުން، ހެނދުގެ ސަލާމް ގޮވާލުމަށް ފަހު ހީލި އިރުވެސް ރޭގައި އެހާ ވަރަށް ރުއިމުގެ ސަބަބުން މޫނަށް ވެރިވެފައިވީ ފޮއްސިކަން ހާމައަށް ހުއްޓެވެ. ވިޝާމް ވަކި އެއްޗެއް ނުބުނެ އައިސް ހުއްޓިލީ ޒަންޔާއާއި ނުހަނު ގާތުގައެވެ. އުނދުނާއި ގާތުގައި އޭނާ ހުރި އިރު ހުރިހާ ވެސް ސަމާލުކަމެއް ދީގެން ހުރީ އުނދުން މަތީގައި ހުރި ތެއްޔަށެވެ.
“މްމް، ވިޝާމް؟ ” ވިޝާމް އުނދުން ނިވާލުމަށް ފަހު ޒަންޔާގެ އުނަގަނޑުގައި ހިފާ ގަޔާއި ކައިރިކޮށްލި ގޮތުން ކުޑަކޮން ސިހިގެން ގޮވާލިއެވެ.
“ޔޫ އޯކޭ؟” ވިޝާމް އަހައިލިއެވެ. ޒަންޔާ ދޫކޮށްލީ ފުންނޭވާއެކެވެ.
“އަމް ޓްރައިންގ ޓް ބީ.. އެޓްލީސްޓް އައި ހޭވް ޔޫ” ތުންފިއްތާލި ނަމަވެސް ފެންކަޅިވުމުން އިސްޖަހައިލިއެވެ.
“ޖަސްޓް ރިމެމްބަރ ދެޓް، އަމް އޯލްވޭސް ހިޔަރ ފޮރ ޔޫ.. ކިތަންމެ ކުޑަކަމެއް ވިޔަސް ޔޫ ހޭވް ޓު ޝެއަރ.. ހަމަޖެހުނީމަ ރޭގަ އެވީ ކަންތައް ކިޔައިދޭން ޖެހޭނެ .. އެހެންނޫނީ އަހަންނަކަށް ހަމަ އެއް ނުޖެހެވޭނެ” ވިޝާމްގެ ކޮންމެ ޖުމްލައަކަށް ބޯޖަހައިމުން ދިޔައިރު ، އެ ބަސްތަކުގައި ވީ އަޅާލުން ޒަންޔާއަށް އިޙްސާސް ކުރެވުނެވެ. ނުހަނު އުފާވެސްވިއެވެ. އެފަދަ ވަގުތެއްގައި ވިޝާމް ގާތުގައި ހުރުމުން ޝުކުރުން ހިތް ފުރުނެވެ. އިތުރަށް އެއްޗެއް ނުބުނެވެނީސް އާމިލާ އައިސް ވަނުމުން ދެލޯ ފުހެލާފައި މަސައްކަތައް އެނބުރިލިއެވެ.
“ދަރިފުޅު އައިސްފިން ދޯ.. ބައްޕަ އުޅުނު ނުފެނިގެން.. ދުށީންތަ؟” ކާކޮޓަރިއަށް ވަދެގެން އައި އާމިލާއަށް ވިޝާމް ފެނިގެން ސުޥާލް ކުރިއެވެ.
“ލައްބަ ފެނުނު، މިސްކިތުން އައިގަޑީގަ ދިމާވި.. ކޮބާ ޝެޑީ ނުހޭލާތަ؟ އެހެންޏާ މިގަޑީގަ ހޭލާނެ”
“މަންމަ މިއައީ އެހެން ކިޔަންވެގެން .. ދެފަހަރަށް ދޮރުގަ ޖަހައިފިން.. ނުއެއް ހުޅުވި . ގޮވަ ގޮވާ ވަރުބަލިވީ ފަހުން ބުނެފި ބޮލުގަ ރިއްސަނީއޭ.. ބޭސް ދޭން ވެސް ނުވަދެވިފަ މިހުންނަނީ.. ދަރިފުޅު ދޭބަލަ އަޅެ ހުޅުވޭތޯ” އާމިލާ ކަންބޮޑުވެފައި ހުރެ ބުންޏެވެ. އެހިސާބުން ވިޝާމްގެ މޫނުމަތިން ވެސް ފެނުނީ ކަންބޮޑުވުމެވެ.
އިތުރު އެއްޗެއް ނުބުނެ އޭނާ ދިޔައީ ސަދަފް ހޯދުމަށެވެ. ދެތިންފަހަރު ޖެހުމުން ވެސް ބަހެއް ނުބުނުމުން، އެންމެ ފަހުން އޭނާގެ އަތުގައި އޮންނަ، އެކޮޓަރީގެ އިތުރު ތަޅުދަނޑިއެއް ހިފައިގެން އައިސް ހުޅުވިއެވެ. މުޅި ކޮޓަރި ތެރޭގައި ވަނީ ކަނު އަނދިރިކަމެވެ. އެއާއި އެކު ސިނގިރޭޓްގެ ވަސް ނޭފަތުގައި ހަރުލައިފިއެވެ. ހައިރާންވީ ވަރުން އޭނާއަށް ގޮވާލެވުނެވެ.
“ޝެޑީ..ޝެޑީ!” އެޅި ފުރަތަމަ ފިޔަވަޅާއި އެކު ހުއްޓެން މަޖުބޫރުވީ އެއްޗެއްގެ ފައިދޮށުވި އިޙްސާސް ކުރެވިފައެވެ. ފާރުގައި އަތް ހާކަމުން ސްވިޗްއެއް ޖައްސާލި ހިނދު އެތަނުގެ ތެރެ އޮތް ގޮތް ފެނި ހުއްޓުން އަރައިފިއެވެ. ފާޑަކަށް އަނގަ ހުޅުވުނެވެ.
ސާފްތާހިރްކަމަށް ލޯބިކުރާ ޒުވާނާގެ މުޅި ކޮޓަރިތެރެއަށް ހީވަނީ ކުޑަވަރެއްގެ ރޯޅިއެއް އަރާފައި އޮތްހެންނެވެ. ޑްރެސިންގ ޓޭބަލް މަތީގައި ސަލާމަތުން އިން އެކައްޗެއްވެސް ނެތެވެ. ސައިޑް ޓޭބަލް މަތީގައި އަޅިކެނޑިއެއް އިން އިރު އެކި ހިސާބުތަކުގައި އޮތީ ސިނގިރޭޓް ފިލްޓަރެވެ. އެނދުމަތީގައި އެންމެ ބާލީހެއް ވެސް ނެތެވެ. ލާ އަންނައުނު ވެސް އެތަން މިތަނުގައި އުކިފައި ހުއްޓެވެ. މުޅި ބޮލާއި އެކު ކްއިލްޓް އަޅާލައިގެން އޮތް އިރު އޭނާގެ ހަށިގަނޑުން އެއްވެސް ތަންކޮޅެއް ނުފެނެއެވެ. ވިޝާމްއަށް އާދެވުނު ގޮތް ވެސް ނޭނގެއެވެ. ސަދަފްއަށް ގޮވަން ނުހަދާ ކްއިލްޓް ދަމައިގަތެވެ. ދެލޯ މެރިފައި އޮތް އިރު އޮތީ ދާހިތްލާ ފޯވެފައެވެ. މުޅިމޫނުން ރަތްކަމެއް ފެންނަން ހުރިއިރު ހީވީ ގިނައިރު ތަކެއް ވަންދެން ރޮއެފައިވާ ހުރިހެންނެވެ. އެކަމުން ލިބުނީ އިތުރު ހައިރާން ކަމެކެވެ. ސަދަފްގެ ކަރުގައި އަތް ޖައްސާލި ސިކުންތު ތެޅިގަނެފައި އަތް ދުރުކޮށްލެވުނީ، އަތައް އަރައިގެން ދިޔަ ހޫނުގަނޑުގެ ސަބަބުންނެވެ. ހުމާއި ފިހިފިހި އޮތް އިރު އޭނާގެ ހަށިގަނޑުގައި އަޅާމުން ދިޔަ ތުރުތުރު ވެސް ވިޝާމްއަށް ފާހަގަވީ ދެނެވެ.
***
ހެނދުނުގެ ރަން ދޯދިތައް ފަރުދާގެ ހަނި ދޭތެރެއިން ވަދެ، ކޮޓަރިތެރެ އަލިކުރަމުން ދިޔައިރު، އިޔާންއަށް އެނދުން ތެދުވުންވީ އުނދަގޫ ކަމަކަށެވެ. ބޮލުގައި ހިފާލާފައިވާ ރިއްސުމުގެ ސަބަބުން އިޔާން ގަސްތުކުރީ މަސައްކަތްތައް ފުނިޖެހިފައި އޮތަސް، އޮފީހަށް ނުގޮސް މިއަދު ސަލާމް ބުނެލާށެވެ. އެހެން އޮވެފައި އެންމެފަހުން އަމީރާއަށް ގުޅާލީ އެގަޑީގައި އުޅޭނީ ހޭލާކަން އެނގޭތީއެވެ. މަހުދީއަށް މެސެޖަކުން ސަލާމް ފޮނުވާލަމުން ރީތިކޮން ހަމަޖެހިލިއެވެ. އިރުކޮޅެއް ނުވަނީސް، އެޕާޓްމަންޓްގެ މައިދޮރު ހުޅުވުނު އަޑާއި، އަމީރާގެ ފިޔަވަޅުތަކުގެ އަޑު އިވެން ފެށިއެވެ.
“އިޔާ.. އިޔާ.. ކިހިނެތް ވީ؟.. ވަރަށް އަވަހަށް އަންނާށޭ ބުނީ ކީއްވީ؟.. ދައްތަ އެޙީމަ ފިހާރައަކަށޭ ކިޔާފަ މިއައީ ” ދޮރު ހުޅުވާލާފައި އަމީރާ ވާހަކަދައްކަން ފެށިއެވެ. އޭނާއަށް އިޔާން އޮތް ގޮތް ފެނުނީ ރަނގަޅަށް އެތެރެއަށް ވަދެވުނު ފަހުންނެވެ. އުނަގަނޑާއި ހަމައަށް ރަޖާ އޮތް އިރު، ވަރުގަދަ ހަށިގަނޑު ހާމައަށެވެ. އަމީރާގެ ކޯތާފަތް ރަތްވެގެން ދިޔައިރު، ދެން ވާހަކަ ދެއްކީ ދުރު ބަލަހައްޓައިގެން ހުރެއެވެ. ހީވީ ޓީޝާޓެއް ނުލަނިސް ނުބަލަން ހުވާ ކޮށްގެން ހުރިހެންނެވެ. އިޔާން ގާތައް އައީ ހިންޏެވެ.
“ކިހިނެތް ހޭ ވީ.. ؟”އަމީރާ އަނެއްކާ ވެސް އަހާލިއެވެ.
“ހަހަހަ.. އާދެބަ ” ނިދާ ހޭލިގަޑި އަށް ވެފައި ، އެއަޑު ނުހަނު ބަރެވެ. ހިތުގެ ތެޅުން އަވަސްވެ، ހިންދިރުވާލެވުނެވެ. އޭނާ ފިޔަވަޅުތައް ކުރިއަށް އަޅަމުން ގޮސް އެނދާއި ފޫޓެއްހާ ދުރުމިނުގައި މަޑުކޮށްލިއެވެ.
“ދެން މަސާޖެއް ހޯދަން ވެގެންނޭ ގޮވާލީ.. ތިހާ ދުރުގަ ހުރެގެން ކިހިނެތް މަސާޖް ކުރާނީ.. މިއުޅެނީ ބޮލުގަ ރިއްސާތީއޭ..” އަމީރާގެ އަތުގައި ހިފައި މަޑުމަޑުން ދަމާލަމުން އިޔާން ޝަކުވާގެ ރާގަކަށް ބުންޏެވެ.
“އޭންން.. ވަރަށް ބޮޑަށްތަ؟ ހުން އައިސްގެންތަ؟ ބޭސް ކައިފިންތަ؟” ކަންބޮޑުވި ވަރުން ދުރަކު ނުހުރެވުނެވެ. އިޔާންގެ އަތް ދުރުކޮށްލާފައި ނިތުގައި އޭނަގެ ޖައްސާ ހުން ހުރިތޯ ބެލިއެވެ.
“ހުމެއް ނެތޭ ދޫނީ.. ހަމައެކަނި ބޮލުގަ ރިއްސަނީ.. މާ ގިނަ އިރު ސްކްރީނަށް ބެލޭތީ ކަންނޭގެ.. އިއްޔެ ވެސް އޮފީހަށް ދިޔަގޮތައް އޮފީސް ނިމެންދެން ޑެސްކްޓޮޕް ކައިރީގަ އިނީ”
އިޔާން، އެހެން ބުނުމުނު ވެސް އަމީރާގެ ހިތައް ހަމަޖެހުމެއް ނުލިބުނެވެ. “އެބަ އަންނަން” ކަމުގައި ބުނެ ނުކުތެވެ. ކާކޮޓަރިއަށް ވަދެ، އައިސްއަލަމާރިން ފިނި ޖޫސް ޕެކެޓެއް ނަގައި ތައްޓަކަށް އަޅާލިއެވެ. އަދި ލިވިންގް ރޫމްގައި ހުރި އިޔާން ގެންގުޅޭ ކުޑަ ބޭސް ފޮށިން ބޭސްގުޅައެއް ހިފައިގެން އަނބުރާ ކޮޓަރިއަށް ވަނެވެ. އޭރު އިޔާން އިނީ އެނދުގެ ހެޑްބޯޑުގައި ބޯޖައްސާލައިގެން، ވަރުބަލިކަމާއެކު ލޯމަރާލައިގެންނެވެ. އަމީރާ ވަތް އަޑަށް ލޯ ހުޅުވާލިއެވެ.
“އަމް ފައިން އޭ”
“ކޮން ފައިން އެކޭ ކިޔާކަށް.. ހަމަ މިޙާރު މި ހުސްކުރޭ.. ބޭސް ވެސް ކާންޖެޙޭނީ” އިޔާންގެ ދަތްދޮޅީގައި ހިފާ ހިއްލާލަމުން އަމީރާ އަމުރު ކޮށްލިއެވެ. އިޔާން ތުން ދަމާލިއެވެ. އެ އަދާއިން އަމީރާގެ ގާތައް ހިނި އަންނަގޮތްވިއެވެ.
“މޭބީ ކިސް އަކުން ރަނގަޅު ވެދާނެ” އިޔާން ލާނެތް ގޮތަކަށް ބުނެލިއެވެ.
“އެހެމް.. މްމްމް.. އެވެސް ލިބޭނެ ބަސްއެހީމަ،” އިޔާންގެ އެ ގާތްކަމުން އަމީރާގެ މޫނަށް ޖަންބު ކުލަވެރިވިއެވެ. ލަދުގަތް ނަމަވެސް، އެކަން ފޮރުވުމަށްޓަކައި އޭނާ ކަރުކެހިލިއެވެ.
އިޔާން ޖޫސްތަށި ބޯލާފައި، ބޭސްގުޅަ ވެސް ކާލިތަންފެނި އަމީރާގެ ހިތައް ހަމަޖެހުމެއް ލިބުނެވެ. ގާތުގައި މަޑުމަޑުން އިށީނދެލުމަށްފަހު، އިޔާންގެ ބޯ އަމީރާގެ އުނގުގައި ބާއްވާލިއެވެ. އެ ހިމަ އިނގިލިތަކުން އިޔާންގެ ތަނަވަސް ނިތްކުރީގައި މަޑުމަޑުން ފިރުމައިދޭން ފެށުމާއެކު، ލިބެމުން ދިޔަ އަރާމުން، އެ ދެލޯ ލަސްލަހުން މެރެމުން ދިޔައެވެ. ފިނި ފިނި ބީހުންތަކަށް ހިތް ދޫކޮށްލައިގެން އޮތް އިރު، ނިދީގެ ފުން ކަނޑަކަށް އިޔާން ޣަރަޤުވެގެން ދިޔައީ ކޮން އިރަކު ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ.
“އޯވްވް، ނިދުނީ ”އިޔާންއަށް ރަނގަޅަށް ނިދުމުން އަމީރާގެ އަތް ދުރުކޮށްލަމުން އިޔާންގެ ކަނދުރާގައި އަތް އަޅުވާލާފައި ބާލީސް މައްޗަށް މަޑުމަޑުން ތިރިކޮށްލިއެވެ. ނިދިފައި އޮތް އިރު ފިރިހެންވަންތަ މޫނަށް ކަޅި ޖަހައިނުލާ އަމީރާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ފުދޭވަރަކަށް ބޯކޮން ހުރި ތުނބުޅީގައި ޝަހާދަތް އިނގިލި ހިންގާލެވުނެވެ. ރަތްކަމެއް ވެރިފައިވާ ތުންފަތައް ނަޒަރު ހުއްޓާލެވުނު އިރު އަމީރާ ހަނދާންވީ އިރުކޮޅެއް ކުރިން އިޔާން ބުނެލި ޖުމްލައެވެ. ލަދުރަކި ހިނިތުންވުމެއް ތުންފަތުގައި ކުޅެލިއެވެ. ކުޑަކޮން ގުދުވެލާފައި ތަނަވަސް ނިތްކުރީގައި ނުހަނު ލޯބިން ބޮސްދިނެވެ. ކޮޓަރީގެ ހަމަހިމޭންކަމުގެ ތެރެއަށް ފެތުރިފައިވީ އަމާންކަން މުގުރާލީ އިޔާންގެ ފޯނު ރިންގުވަމުން ދިޔަ އަޑަށެވެ. އިޔާންއަށް ހޭލެވިދާނެތީ ސިއްރުސިއްރުން ހިނގައިގަތް އަމީރާއަށް، އެ އަޑާއެކު އިޔާން ދެލޯ ހުޅުވާލިތަން ފެނުމުން ހުއްޓިލެވުނެވެ.
“އަދި ވެއިޓް ބޭބް” އަމީރާގެ އަތުގައި ހިފައި ގެނެސް ގާތުގައި ބައިންދާފައި، އެ ފޯނު އިޔާން ނެގިއެވެ. އަމީރާ ހީލިއެވެ. އެއީ އޮފީހުން އައި މުހިންމު ކޯލެކެވެ. ނަމަވެސް، އިޔާންގެ މުޅި ސަމާލުކަން ހުއްޓިފައި ހުރީ އޭނާގެ ބާރުގަދަ އަތުގެ ތެރޭގައި ހައްޔަރުވެފައިވާ އަމީރާގެ ކުޑަ އަތްތިލައަށެވެ.
“ބްރޯ، ސަސް ވާ ކަހަލަ ކަމެއް އަނެއްކާ ވެސް އެބަ ހިނގާ.. އެއްކަލަ ރަވީހް އައިސް އެބައިން ދެދުވަސްކުރީން ސޯދިގްއާއި ބައްދަލް ކުރަން.. ރަވީހް މިނިވަން ވާހަކަ އާއި އޭނާ ފުލުސް އޮފީހަށް އައިސް ސޯދިގާއި ބައްދަލް ކުރި ވާހަކަ މިހާރު އޮފީސް ތެރޭގަ އެބަ ކިޔާ.. ބްރޯގެ ކޮއްކޮއާއި ބެހެން އުޅުނު މީހަކު، އެ ސޯދިގް އެހާ ގާތް ކޮށްލީމަ އެމީހުންވެސް ހައިރާން ވެގެން އުޅެނީ.. ސައިމަންއަށް އިވިގެން އައިސް ބުނީމަ، އަހަރެމެން އެންޓްރެސްގަ ހުރި ސީސީޓީވީ ޗެކް ކުރީ.. ބުނީމެންނު އާޝިއުގެ ވާހަކަ.. އެމީހާއާއި އެއްކޮން އަދި މިކޮޅަށް އައިސް ހުރީ.. ޓައިމް އަކަށް އިނީ އެރޭ އެގާރަ ގަޑި ސާޅީސް..” މަހުދީގެ ވާހަކައިން އިޔާންގެ މޫނުމަތީގެ ކުލަވަރު މުޅިންހެން ބަދަލްވެގެން ދިޔައެވެ. ހައިރާންވެސް ވިއެވެ. އޭނާއަށް މިޙާރު ވިސްނަންވީ ކޮޅެއް ވެސް ނޭނގުނެވެ. އަމީރާގެ އަތުން ދޫކޮށްލުމަށްފަހު އިޔާން ނުކުމެލީ ބެލްކޮންޏަށެވެ. ނުތަނަވަސްކަމުން ފުރުނު ސިކުނޑިއަށް ފިނި ވައިރޯޅިއެއްގެ އެހީގައި ހަމަޖެހުމެއް ހޯދައިދޭން އޭނާ ބޭނުންވީއެވެ.
އިޔާންއަށް ވީ ގޮތުން ހައިރާންވެފައި އިނދެ އަމީރާ ވެސް ފަހަތުން ނުކުތެވެ. ފޯނު ކަންފަތުގައި ޖަހައިގެން ހުރި އިރު އިޔާންގެ މޫނުމަތީގައި މިހާރު ވިދަ ވިދާހުރީ ސާފް ރުޅިވެރިކަމެވެ. އިރުކޮޅެއް ކުރީން ހުރި އުފާވެރިކަން މުޅިން ގެއްލިއްޖެއެވެ. ކުރިމައްޗަށް ހުއްޓި އިޔާންގެ މެދުހަށީގައި އަމީރާ ބައްދާލަމުން އެމޫނަށް ބަލައިލިއެވެ. ރުޅިވެރިކަމުގެ ތެރެއިން ވެސް އަމީރާގެ އެ މައުސޫމް އަދާއިން އިޔާންގެ މޫނަށް ކުޑަ ހިނިތުންވުމެއް އައެވެ. އަމީރާގެ ބޮލުގައި އެއްއަތުން ފިރުމާލަމުން އިޔާން އެއްޗެއް ނުބުނެ މަހުދީގެ ވާހަކަ އަޑުއަހަމުން ދިޔައެވެ.
“ދެން މަ ބެލި އިރު، ރަވީހް ވަގުތީ ގޮތުން ގެއަށް ބަދަލްކޮށްފަ އިންކަމަށް އިނީ.. ރީޒަންއަކަށް އިނީ ބަލިވެގެން ކަމަށް.. ބަލީގެ ތަފްސީލްކަށް އިނީ ބްލަޑް ކެންސަރު..ދެން އެބަހުރި މެޑިކަލް ޑޮކިއުމަންޓްސް ވެސް ހުށައަޅާފަ.. މިކޮޅުން ގެއަށް ބަދަލުކުރަން ކުރިއަށްގެންދިޔަ ހުރިހާ މަރުހަލާއެއްގެ ލިޔެކިޔުންތަކުގައި އިނީ ސޯދިގުގެ ސޮއި.. މިއީ އަޖައިބެއް ކަހަލަ ކަމެއް، ހުރިހާ ދޭތެރެއެއްގަ މި ސޯދިގް އެބަ އުޅޭ” މަހުދީގެ އަޑުން އެކަނިވެސް ސޯދިގް ދެކެ ވެފައިވާ ނުރުހުމާއި ފޫހިކަން ސާފުކޮށް އެނގެއެވެ.
“އިރަމްގެ ކޭސްގަ އާޝިއު ކީއް މިކުރަނީ؟ ރަވީހް މިނިވަން ކޮށްދޭން އޭނާ އެހާ ބޮޑަށް މިއުޅެނީ ކީއްވެގެން ކަމެއް ނޭނގެ.. އެރޭ ހޮސްޕިޓަލުން އެ ދެމީހުން އެކުގައި ފެނުނު ވާހަކަ މަ ބުނީމެއްނު.. އެދުވަހު މެޑިކަލް ޑޮކިއުމަންޓްސް ހޯދަން ބާ އެހެން ވީމަ މިދިޔައީ؟.. ކޮން ހޮސްޕިޓަލެއްގެ ނޭމް އިނީ ޑޮކިއުމަންޓްސް ތަކުގަ؟”
“އީ-މެޑް ހޮސްޕިޓަލް”އިޔާންގެ ސުވާލަށް މަހުދީ ޖަވާބު ދިނެވެ. އޭނާއަށް ކުރެވުނު ހީ ރަނގަޅުވުމުން، ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. ބޯހާސްވީ ވަރުން ދެތިން ނޭވާ ބޭރުކޮށްލެވުނީ ހަމަޖެހިލާށެވެ.
“އެނގިއްޖެ ނުބައެއް އެބައުޅޭ ކަން! އެބަ ޖެހޭނު ގޮތެއް ހަދަން؟”
“ޔާހް.. އެހެންވެ މިގުޅީ.. އެކަމަކު މިއަދު ދެން ނާންނާތި!.. އެނޫނީ ސޯދިގަށް ޝައްކުވާނެ.. ހެނދުނު އައިގޮތައް ސައިމަން ހަބަރު ދިނީމަ މަށާއި ޒޯ ވެގެން މި ބެލީ.. ކެމެރާއަށް އެކްސެސް ވެފަ ސީސީޓީވީ ފޫޓޭޖްތައް ވެސް ބަލައިފިން.. މިޙާރު ދެން އައިސްފިއްޔާ އެނގޭނެ އިޔާން ގާތު ބުނީކަން.. އޭނައަށް ފެންނާނެ އެންނު ހުރިހާ ޑީޓެއިލްސް އެއް..” މަހުދީގެ ބަހަށް އިޔާން ބޯޖަހައިލިއެވެ. އެއީ ތެދެއްކަން އޭނާއަށް ވެސް ވިސްނުނީއެވެ.
މުހިއްމު ފޯނެއްކަން ދެނެގަނެވިގެން އަމީރާ ވެސް އިތުރަށް މަޑުނުކޮށް، ދާ ކަން އިޝާރާތުން އަންގާލާފައި ދިޔައެވެ. ޑިއުޓީއަށް ދާ ގަޑި ވެސް ފުދޭވަރަކަށް އޭރު ކައިރި ވެއްޖެއެވެ. އިޔާން ބޯ ޖަހާލާފައި އެ ފޯނު ކޯލާއިގެން ކުރިއަށް ދިޔައެވެ.
“މަގޭ ހިތް ބުނަނީ އަމާޔާގެ ކޭސްއާއި ވެސް އެބަ ގުޅެއޭ މިކަންތައް.. ނޭނގޭ ކީއްވެ ކަމެއް.. ތިބުނާހެން، މި ސޯދިގް ހުރިޙާ ތަކަށް ވަންނަވަރުން ވެސްދޯ” އަމާޔާގެ ނަން އިޔާން އިއްވާލީ އަމީރާ ބޭރަށް ނުކުތްކަން ޔަގީން ކޮށްފައެވެ. އިޔާން ވިސްނާލީ ދެން ކަންތައް ކުރާނެ ގޮތަކާއި މެދުއެވެ. އެކަންތައްގަނޑު ފެށުނީން ސުރެން މަހުދީއަށް އެނގޭނެތީ އިޔާން އެދުނީ އޭނާގެ ލަފަޔަކަށެވެ.
”އައި ހޭވްއަ ޕްލޭން، އެހެންވެއާއި އެކު މިގުޅީ ” މަހުދީގެ ހިޔާލް ހުށައެޅި އިރު އިޔާންގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. މަހުދީގެ މަހުދީގެ ތޫނު ވިސްނުމަށް ތާއީދުކޮށް ބޯޖަހާލަމުން، އިޔާންގެ އަމިއްލަ ސިކުނޑީގައި ކުރަހަމުންދިޔަ ކަންތައްތައްވެސް ހިއްސާކޮށްލިއެވެ. އިޔާން ބޭނުންވީ ސޯދިގް އެހެން އެއުޅޭ ސަބަބު ދެނެގަންނާށެވެ. އަދި ވީ އެންމެ އަވަހަކަށް ސޯދިގްގެ އަސްލު ސޫރަ ކަޝްފުކޮށްލާށެވެ. ނަމަވެސް އެ މަސައްކަތް ކުރެވޭނީ ކެތްތެރިކަމާއި އެކުއެވެ. ދެ ޒުވާނުންގެ ރޭވުމާއި އެއްގޮތައް ކަންކުރަން ނިންމާފައި ފޯނު ކުރުކޮށްލިއެވެ.
***
މުޅި ދުވަހު ކޮޓަރީގެ ތެރޭގައި އުޅެ އުޅެފައި، އެންމެފަހުން ކޮޓަރިން ނުމެލަން ޝާއިރާ ގަސްތުކުރިއެވެ. އެވެސް އާޝިއު ނައިސް ލަސްވެގެންނެވެ. ދޮޜާއި ހިސާބަށް ގޮސްފައި ވެސް ހިޔާލް ބަދަލްވެގެން އަނެއްކާ ގޮސް އެނދުމައްޗަށް ޖެހިގަނެފިއެވެ. ރޭގެ ކަންތަކަށް ފަހު އޭނާއަށް ލިބިފައިވަނީ ވަރުގަދަ ނުތަނަވަސް ކަމެކެވެ. އޭނާ ރަތްކުލަ ޖައްސާފައިވާ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވޭ ގޮތުން އެކަނި ވެސް ހާސް ވެފައިވާވަރު ދޭހަވެއެވެ. ކެތްތެރިކަން ކުޑަވެ، އެންމެ ފަހުން އެނދުން ތެދުވެގެން މުޅި ކޮޓަރިތެރޭގައި ދެކޮޅަށް ކުރުކާލި ކަނޑަން ފެށީ، ހިތުގައި އުފެދިފައިވާ ގިލަންވެރިކަމަށް ތަސައްލީއެއް ލިބޭތޯއެވެ. ދޭތެރެއަކުން ކޮޓަރީގެ ލޯގަނޑުން ފެންނަ އޭނާގެ އަމިއްލަ ސޫރައަށް ބަލައިލެވެނީ، އެ މޫނުމަތީގައިވާ “މައުސޫމް” ކަމުގެ މާސްކު ނެއްޓި، ހަގީގީ މަކަރުވެރި ސޫރަ ފާޅުވެދާނެ ކަމުގެ ބިރާއި ސިހުމުގައި ހުރެއެވެ. އެންމެ ފަހުން އާޝިއުއަށް ގުޅައިފިއެވެ. ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. އެކަމުން އާޝިއު ދެކެ ވެސް ރުޅި އާދެވޭ ގޮތްވިއެވެ. އިތުރު ގޮތެއް ނެތުމުން ކޮޓަރިން ވެސް ނުކުމެއްޖެއެވެ.
ދެކޮޅު ބަލަމުން ދިޔައިރު ހީވީ، ގެއަށް ވައްކަން ކުރަން ވަދެގެން އުޅުނު ވަގެއްހެންނެވެ. އޭނާގެ ހަރަކާތް އެހާވެސް ސިއްރުވެރިއެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ގޭތެރޭގައި މަސައްކަތު މީހެއް ވެސް ފެންނާކަށް ނެތެވެ.
“ހޫމް އެ ސަދަފް އަދިވެސް ދޫ ނުކޮށްލާކަން ރަނގަޅު.. އެހެންނޫންނަމަ މިކަމެއް ވެސްނުވާނެ”
އަމިއްލަ ނަފްސަށް އިވޭ ވަރަށް ވާހަކަ ދައްކަމުން ގޮސް ޝާއިރާ ނުކުތީ ގޭގެ ބިއްދޮށަށެވެ. އޭރު ގޭޓު ފެންނަނެހެން އާސިއު ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޖެއްސި މަސައްކަތް ނުކޮށް އެހާ ރީތިކޮން ހުރުމުން ޝާއިރާގެ މޫނު އިހުނަށްވުރެން ބަނަވެގެން ގޮސްފިއެވެ. ދިޔަ ބާރުމިނުގައި ގޮސް އާޝިއުގެ ގާތަށް ހުއްޓިލީ އެ ރުޅިގަނޑު ބާލުވާލާށެވެ. ނަމަވެސް އޭގެ ކުރިން އަތުގެ އިޝާރާތުން އާޝިއު ގޭޓޫ ދައްކާލިއެވެ. ޝާއިރާއަށް ސިހިފައި ހުއްޓިލެވުނެވެ.
“މިދެމީހުން ކީއް މިކުރަނީ މިގަޑީ؟” ގޭޓުކައިރީގައި މަޑުކޮށްލައިގެން ހުރި ނާޔާއާއި ވިޝާމް ފެނި ޝާއިރާގެ ނިތައް ރޫ އަރައިފިއެވެ. ނޭނގެއޭ ބުނާ ފަދައަކުން އާޝިއުވެސް ދެކޮނޑު އަރުވާލިއެވެ.
“ދެން ކިހިނެތް ހަދާނީ؟” ނުތަވަސްކަމާއި އެކު އަނެއްކާ ވެސް ވާހަކަ ދެއްކީ ޝާއިރާއެވެ. އާޝިއު އިޝާރާތް ކޮށްލީ އެއްޗެއް ނުބުނެ ހުރުމަށެވެ. އަނގަ ހަދާލާފައި ވެސް އޭނާ މަޑުން ހުއްޓެވެ. އެހެން ތިބެތިބެފައި ނާޔާ އާއި ވިޝާމް ބޭރަށް ނުކުތްތަން ފެނި ދެމީހުންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“ގޭ ތެރޭގަ ފެންނަން ނެތަސް އެބައުޅޭ މަސައްކަތު މީހުންތައް ވެސް.. މަ މިދަނީ ސެކިއުރިޓީ ރޫމަށް..ޝާއިރާ ކުރަންވީ ކަމަކީ ކަމެއް ފާހަގަ ވެއްޖެއްޔާ މަށައް އަންގަންވީ.” ޝާއިރާގެ އަތުގައި އޮތް ފޯނަށް އިޝާރާތް ކޮށްލަމުން އާޝިއު ބުނެލިއެވެ. ޝާއިރާ އަވަސް އަވަހަށް ބޯޖަހައިލަމުން ގޮސް ހުއްޓިލީ ކުރިން ނާޔާއާއި ވިޝާމް ތިބި ތަނުގައެވެ. އާޝިއު ބުނިހެން ގޭގެ އެތެރޭގައި މީހުންނެތް ނަމަވެސް ފަތާފެންގަނޑާއި ބަގީޗާގެ ތެރޭގައި މަސައްކަތު މީހުން ކޮންމެވެސް ވަރަކަށް އުޅެއެވެ. ގޭޓު ކައިރީގައި ތިބި ދޮރުވާނުންނަށް އޭނާ ފެނުމުން ހީލިއެވެ. ނަމަވެސް ޝާއިރާ ފޫހިވެފައި ހުރެ ލޯ އަޅާލިގޮތް ފެނި ދެމީހުންގެ މޫނުމަތިން ހިނިތުންވުން ފޮރުވާލިއެވެ. އަދި އެދެމީހުން އަމިއްލަ ވާހަކައަށް ގެއްލުނެވެ.
އާޝިއު ދެކޮޅު ބަލަމުން ގޮސް ވަނީ ގޭގެ އެންމެ މަތީ ފަންގިފިލާގައި ހުންނަ ސެކިއުރިޓީ ކޮޓަރިއަށެވެ. އެތަނަކީ ގެޔާއި ގޯތި ތެރޭގައި ބަހައްޓާފައި ހުންނަ ކެމެރާތައް ގުޅިފައިވާ ސިސްޓަމްތައް ހުންނަ ތަނެވެ. އަދި މަސައްކަތު މީހުން އަރާމް ކޮށްލަން އައިސް ޖައްސާލެވޭ ހެން އިންތިޒާމްތައް ވެސް އެތަނުގައި ވެއެވެ. ކޮންމެ ވަގުތެއްގައި ވެސް އެއިން މީހަކު އައިސްފާނެ ކަމުގެ ބިރު އޮތުމުން އާޝިއުގެ އަތްމަތި ހުރީ ހަލުވިކޮންނެވެ.
އޭނާ ގޮސް އިށީނީ މޭޒުމަތީގައި އިން ޑެސްކްޓޮޕް ކައިރީގައެވެ. އެހެން އިނދެ ޝާއިރާއަށް ގުޅާލިއެވެ.
“ޝާއިރާ އެރޭ ފޯނުން ވާހަކަ ދައްކަން ހުރީ، ކޮންދިމާލެއްގަ އޭތަ ބުނީ؟” ޢާޝިއުގެ ސުވާލާއި އެކު ޝާއިރާ ކިޔައިދިނީ އޭނާ ފޯނުގައި ހުރި ހިސާބެވެ.
“އެހެންވިއްޔާ އެރޭ އައި މީހަކު އައިސް ހުންނާނީ ފަހަތުން.. ކާކޮޓަރީގެ ފަހަތު ދޮރަށް ޥާހެން އިން ކެމެރާ އެއީ” ފޯނު ބޭއްވުމަށްފަހު އޭނާ ވާހަކަ ދެއްކީ އަމިއްލަ ނަފްސަށް އިވޭ ވަރަށެވެ. ކީބޯޑުގެ ފިތްތަކަށް އޭނާގެ އިނގިލިތައް އަމާޒުވަމުންދިޔަ ހަލުވިމިނަށް ބަލާއިރު، ހީވަނީ އެއީ މިފަދަ އެތައް މަސައްކަތެއްގައި ކުރިންވެސް އަހުލުވެރިވެފައިވާ މާހިރެއް ހެންނެވެ. އެހާވެސް ހަލުވިއެވެ.
އެ ދޮރު ފެންނަން ހުރި ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖްތައް ހޯދައި، ސްކްރީނުގެ ދެ ކަނަކަށް މަންޒަރުތައް އަޅުވާލަމުން އާޝިއު ބަލައިލީ ޝާއިރާ ނުކުތް ކަމަށް ބުނާ ސީދާ ވަގުތަށެވެ. ދެލޯ ތަންމިނަށް ހުޅުވައިގެން، ނޭވާ ހިފަހައްޓާލައިގެން އޭނާ އިނީ ވަގުތުގެ ކުޑަ ސިކުންތެއްވެސް ދޫކޮށްލަން ބޭނުން ނުވާތީއެވެ. މާ ގިނަ އިރުތަކެއްގެ އިންތިޒާރެއްގައި އިންނާކަށް އޭނާއަކަށް ނުޖެހުނެވެ. އެދޮރުން މީހަކު ނުކުތްތައް އޭނާއަށް ފެނިއްޖެއެވެ.
އާޝިއު ސިހިފައި ކައިރިވެލި އިރު، އެމީހެއްގެ މޫނު ފެނުނު ހިނދު ލިބުނީ ވަރުގަދަ ޝޮކެކެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އޭނާ ތެޅިގަތީ ބޯ ހާސްވެފައިވީ ފަދައަކުންނެވެ.
“ޒަންޔާ؟ ޝާއިރާގެ އެ ޖުމްލަތައް އިވުނީ ޒަންޔާއަށް؟ ނޫން..ނޫން.. ކޮންމެވެސް ކަމެއް އެބަޖެހޭ ކުރަން ނޫނީ… ނޫނީ ހުރިހާ ކަމެއް ފަނުފުލަށް” އާޝިއުގެ ހާސްކަމުގެ މައްޗަށް ރުޅި ވެރިކަމާއި ވިހަކަން ފެންނަން ހުއްޓެވެ. ހިތުގެ ތެޅުން ގަދަ ވީ ޒަންޔާ އެހަބަރު ލައިލާއަށް ދީފި ނަމަ ދެން ވާނެ ގޮތެކެވެ. އެހެން ހުއްޓާ ޝާއިރާ ގުޅަން ފެށިއެވެ.
“އޭ.. އާމިލާގެ ޑްރައިވަރު އާދަމް އެބަދޭ ތިދިމާލަށް.. ނުކުމޭ” ޝާއިރާގެ އަޑަށް އިތުރަށް މަޑު ނުކޮށް އާޝިއު ވެސް ނުކުންނަން ދިޔައެވެ. އޭނާއަށް ނުކުމެވުނީ ކިރިޔާއެވެ. އާދަމް މައްޗަށް އަރައިގެން އަންނަތައް ފެނުނެވެ. އެބައިގާ ހުއްޓާ ވެސް އެއިން މީހަކަށް ފެނި ޝައްކެއް ވެދާނެތީ، އޭނާއަށް ފެނުމުގެ ކުރިން އާޝިއު ވަނީ އެބައިގާ ހުންނަ ހުސް ކޮޓަރިއެއްގެ ތެރެއަށެވެ. އާދަމް ދާހާއިރު ކޮށްލާފައި ނުކުމަތެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އާޝިއު ތިރިއަށް ފޭބިއެވެ. އޭރު ޝާއިރާ ހުރި ގޭތެރެއަށް ވަދެއެވެ.
“ކާކު؟” ފުރަތަމަ ވެސް ޝާއިޜާ އަހައިލިއެވެ.
“ޒަންޔާ” އާޝިއު ދޫކޮށްލީ ނުތަވަސް ނޭވާއެކެވެ. ޝާއިރާއަށް ލިބުނު ޝޮކުން އަނގަމަތީގައި އަތް އެޅުނެވެ.
“ފިނިޝް ހަރ!”އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެ ޝާއިޜާ ބުނެލިއެވެ. ދެވަނަ ވިސްނުމެއް ނެތި އާޝިއު ވެސް ބޯޖަހައިލައިފިއެވެ. ހީވީ ޝާއިރާގެ ހުރިހާ ކަމަކަށް ބޯލެނބުމަށް ބަހައްޓާފައި ހުރި ބުދެއް ހެންނެވެ.
****
“ކައެ ކޮންތާކު؟” ހޮސްޕިޓަލްގެ ގޯތި ތެރޭގައި މަޑުކޮށްލަމުން ވިޝާމް ގުޅާލީ އިޔާންއަށެވެ. އިޔާންގޭގައި ކަމަށް ބުނުމުން ވިޝާމް އެދުނީ ހޮސްޕިޓަލަށް އައުމަށެވެ. އާއެކޭ ބުނެ އިޔާން ފޯނު ކަނޑާލިއެވެ. އިޔާން އަންނަން ދެން އެތެރެއަށް ނުވަދެ، ވިޝާމް މަޑުކޮށްލީ ސަދަފް ބޭއްވިފައި އޮތް ކޮޓަރިގެ ބޭރުގައި ހުރި ސޯފާތަކުގައެވެ. ޕްރައިވެޓް ކޮޓަރިތައް ހުންނަ ހިސާބުކަމުން ތަން ނުހަނު ހަމަހިމޭނެވެ. މީހަކު ފެނިލަނީ ހާލަކުން ފަހަރަކުއެވެ.
ވިޝާމްގެ ބަރުބޮޑުވެފައިވީ ސިކުނޑިއަށް އެ މާހައުލުވީ ޝިފާއަކަށެވެ. ސިކުނޑީގައި ދައުރުވަމުން ދިޔައީ އިރުކޮޅެއް ކުރީން ނާޔާ ދެއްކި ވާހަކަ ތަކެވެ. އިރަމްގެ ވާހަކަ ސަދަފް ބުނި ރޭ، އިޔާންގެ މަތިން ވިޝާމް ހަނދާން ކޮށްދިނުމުން، ސަދަފްގެ އެއްވެސް ކުށެއް ނެތް ކަމަށް އަމިއްލައަށް ބުންޏެވެ. އެކަމަކު އެހާދިސާ ހިނގައިގަތް ގޮތުން ވިޝާމްއަށް ވެސް ގަބޫލްކުރަން އުނދަގޫ ވީއެވެ. ނަމަވެސް އެރޭ ޔުމާންއާއި ސަދަފްގެ މޫނުމަތިން އެކަކު އަނެއްކަކަށް ކުރި އިޝާރާތްތައް އޭނާއަށް އެހެން ކަމެއް ބުނެދިނެވެ. އެކަމުން ފުރަތަމަ ފަހަރަށް ސަދަފްއާއި މެދު ވިޝާމްއަށް ވިސްނާލަން ޖެހުނީ ވެސް އެދުވަހުއެވެ. އަމިއްލައަށް ސަދަފް ކިޔައިދޭނެ ކަމުގެ އުއްމީދުގައި މިހުރިހާ ދުވަހު އޭނާ ހަނު ހުރީއެވެ. ރެއާއި ހަމައަށް ވިޝާމް ހުރީ އެއުއްމީދުގައެވެ. ސަދަފްގެ ގާތުގައި ނޫނީ ޔުމާންގެ ގާތުގައި ވެސް އަހައިގެން ބޭނުންވާ ޖަވާބު ނުލިބޭނެ ކަން އެނގުމުން ވިޝާމް މިފަހަރު އިޙްތިޔާރުކުރީ ނާޔާގެ އެހީތެރިކަމެވެ.
” ޝެޑީ އެހާ ޑައުން ވެފަ ހުއްޓަ ދުވަހަކުވެސް ނުދެކެން.. ވަރަށް އިރު ރޮއެފަ ހުރީވެސް.. ޔަގީން އިރޫގެ ކަމެއްގަ ކަން.. އެކަން ވާން އޮތީ އިޔާންއާއި ދެމެދުގަ އޮތް ކަންތައް ވެސް ސޯލްވްވެގެން .. މިއަދު ހަގީގަތް އެނގުނުކަން ވެސް ރަނގަޅު” ލޮލުގެ ހަނި އަރިން ފޭދުނު ކަރުނަތިކި ފުހެލަމުން ވިޝާމް ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ނާޔާގެ ކޮންމެ ޖުމްލައެއް ދިޔައީ ވިޝާމްގެ ސިކުނޑީގެ ހުރިހާ ކަނެއްގައި ހަރުއަޑުން ގުގުމަމުންނެވެ.
“ޝެޑީ ހައްޔަރު ކުރި ތާ ދެދުވަސް ފަހުން އެއީ.. ހެނދުނު ގާޑެންއަށް ނުކުތް ވަގުތު، އެތަން ކުނިކަހަން އުޅުނު އުސްމާނުބެ ގޮވާލީމަ ދޮންބެ ދައްތަ ދިޔައީ.. އުސްމާންބެ ދެއްކީ ހުސްކޮށްފަ އޮތް ބިއަރު ފުޅިއެއް.. ދެން ޝެޑީ ކަމަށް ހީކުރީ.. އެހެން ދޯ ހީވާނީ ވެސް.. ދެން މާ ބޮޑު ކަމަކަށް ނުހަދާ ދަނިކޮން އުސްމާނުބޭ ގޮވާލާފަ ބުނީ.. ސަދަފް ގެންދިއުމުގެ ދެތިން ދުވަސް ކުރިން ބޭބެ ދެކުނީމޭ މާއިން.. އަންހެން ކުއްޖަކާއި އެކު ގާޑެންއަށް ވަންނަތަން..އެފުޅި ފެނުނީ އެތަނުން.. މާއިން ވެސް ބޭނުންކޮށްފާނެ ކަމުގެ ބިރަށް، ދެން ދޮންބެދައްތަ ގޮސް އެވާހަކަ ބުނީމަ ކެމެރާތައް ޗެކް ކުރީ ދޮންބެ.. ފެނުނީ ގަބޫލް ކުރަން އުނދަގޫ މަންޒަރެއް.. ޔަނާލްއާއި އެކު މާއިން ވަރަށް ގައިގޯޅި ގޮތަކައް އެތާގަ ތިބީ.. ދެން އެހިސާބުން ރާފުޅި އެއް އެތާގަ އޮތްތޯ ނެތްތޯ ވެސް ނުބަލަން.. ދެމީހުން ސްޓޭޝަނަށް ގޮސް ޝެޑީއާއި ބައްދަލް ކުރީމަ ނުކިޔައިދޭން އުޅެފަ ވެސް ވީ ގޮތް ކިޔައިދިން ޔަނާލް އާއި މާއިންގެ ވާހަކަ ބުނި ހިސާބުން.. ދޮންބެދައްތަ އެދިގެން ދޮންބެ ދިޔަ އެމީހުން ފެނުނު ގެޔަށް ވެސް.. އެ ބިލްޑީންގް ކެމެރާގެ މަންޒަރު ވެސް ނަގާފަ ބެލި.. ޔަނާލްއާއި ޝެޑީ އެއްބަސް ވީމަ އެމީހުން ހުރީ ކެމެރާގެ އެއްވެސް ފޫޓޭޖްއެއް ނުނަގާ.. އެއިން ވެސް ފެނިގެންދަނީ ޔަނާލްއާއި އެކު މާއިން އެ އެޕާޓްމަންޓަށް ވަންނަ މަންޒަރު.. ދެން ޝެޑީ ކައިރީގަ ދޮންބެ ރޮއެރޮއެފަ ބުނި ކީއްވެހޭ ތިހެން ތިހެދީ އަމިއްލަ ނަފްސަށް.. ދެން މަންމައާއި ބައްޕައަށް އެވާހަކަ އެންގީ ދޮންބެ، ޝެޑީ ނުބުނާށޭ ބުނެފަ އޮތްވަ… އެއީ މަންމަގެ ހާލަތު މާ ގޯސްވާތީ.. އެކަމަކު ޝެޑީ އެދުނު އެވާހަކަ އެހެން މީހެއްގެ ގާތުގަ ނުބުނަން.. ބުނެފިއްޔާ އިތުރު ކަމެއްކޮށްގެން ވެސް ޖަލުގައި މަޑުކުރާނީއޭ ބުނީ.. ދެން މާއިންއަށް ފުރުސަތެއް ދޭން އެދުނީމަ އެހެން މިތިބީ.. އެކަކު ވެސް ބޭނުމެއް ނުވޭ މާއިންއަށް ފުރުސަތެއް ދޭކަށް.. އެކަމަކު ޝެޑީ ދިން އިންޒާރުން މިތިބީ، މިވަރުގެ ކަމެއް އަމިއްލަ ބޮލުގައި އަޅައިގެން ހުރި ކުއްޖަކު ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ މާއިން ސަލާމަތް ކޮށްދޭން ދޯ.. އެކަމަކު ވަރަށް ޓްރައި ކުރިން އިޔާން އާއި ވާހަކަ ދެއްކޭތޯ.. އެކަމަކު ޝެޑީގެ ނަން ބުންޏަސް އޭނަ ދުރަށް ދޭ”
ވިޝާމްއަށް ދޫކޮށްލެވުނީ އުދާސީ ނޭވާއެކެވެ. އެއް އިންސާނަކު އަނެއް އިންސާނާއަށް ޓަކައި އެވަރުގެ ބޮޑު ކަމެއް ކޮށްދިން އިރު އެކަން ބަލައިގަތުމެއް ނެތެވެ. ސަދަފް އެހާ ބޮޑު ގުރުބާނީއެއް ވުމުން ވެސް މާއިން އުޅުން އިސްލާހުކޮށް ސަދަފްއާއި ގާތްގުޅުމެއް ބޭއްވިތަނެއް ވިޝާމް ނުދެކެއެވެ. ސިފަވެގެން ދިޔައީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ހުއްޓާ، އޭނާއަށް އެންމެ ފަހުން ސަދަފް ފެނުނު ވަގުތު އެދެލޮލުން ފެނުނު ހިތްތަދި އަސަރުތަކެވެ. އެވަގުތުވެސް ސަދަފް މައުސޫމްކަމަށް ހިތް ބުނެލިއެވެ. ނަމަވެސް ހާދިސާ ހިނގައިގެން ދިޔަ ގޮތުން އަދި ޔަނާލްގެ ވާހަކައަށް ފަހު ވެސް ސަދަފްގެ ފުށުން ބަހެއް ނީއްވުމުން އިޔާންއެކޭ އެއްގޮތައް އޭނާ ވެސް ސަދަފް ގެ ކުރިމަތިން ދުރަށް ދިޔައީއެވެ. ސަދަފްއާއި މެދު ހިތް ހަމްދަރްދީން ފުރުނު އިރު މާއިންއާއި މެދު ހިތް އަލިފާނުން އަނދައިގަތެވެ. ލިފްޓުން ފޭބި އިޔާން ފެނި އެންމެފަހުން އިންތަނުން ތެދުވިއެވެ.
“ކިހިނެތް ވީ؟ ކާކު ބާއްވައިގެން؟” އިޔާން ވަތްގޮތައް ވަދެ ފުރަތަމަ ވެސް ކޮށްލީ އެސުވާލެވެ. ވިޝާމް ވަކި އެއްޗެއް ނުބުނެ އިޔާން ކުރެން އެދުނީ އޭނާގެ ފަހަތުން އައުމަށެވެ.
“މިއުޅެނީ ޝެޑީ ބާއްވައިގެން… މި ވަންނަނީ އެތެރެއަށް.. ބްރޯ މިތާގަ މަޑުކުރޭ.. އެތެރޭގަ ދައްކާ ވާހަކަ ބޭރަށް ވެސް އިވޭނެ. ބްރޯއަށް ކޮންމެހެން އަންގަން ޖެހޭ ވާހަކައެއް މިއީ” ވިޝާމްގެ މޫނުމަތިން ފެނުނު ސީރިއަސްކަމުން އިޔާންއަށް ބުމައަރުވާލެވުނެވެ. އެއްޗެއް ނުބުނެ ވިޝާމް ބުނިހެން އޭނާ އެތަނުގައި ހުއްޓެވެ.
އެނދާއި މަގަތުގައި އިން ހައިކަލް ތެދުވެލީ ވިޝާމް އައިސް ވަނުމުންނެވެ. ހައިކަލް ގާތު ނަމާދުކުރަން ދިއުމަށް ބުނުމުން ބޯޖަހާލަފައި ދިޔައެވެ. ކުޑަކޮން ލަސްވެދާނެ ކަމުގައި ބުނުމުން ވިޝާމް ވެސް ބޯޖަހައިލިއެވެ. އެވަގުތު ސަދަފް އޮތީ ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން ކޮންމެވެސް އެއްޗެއް ބަލާށެވެ. ވިޝާމް ފެނުމާއެކު، ކުޑަކޮށް ތެދުވެ އެނދުގެ ހެޑްބޯޑުގައި ބުރަކަށި ލައްކޮށްލިއެވެ. ނިކަން ފުން ނަޒަރަކުން އެ މޫނަށް ވިޝާމް ބަލައިލިއެވެ. އޭރުވެސް އޭނާގެ ހުން މަޑެއް ނުވެއެވެ. ނަމަވެސް ކުރިޔަށް ވުރެން ހާލަތު ރަނގަޅުކަމަށް ދައްކައެވެ.
“ކިހިނެތްވީ؟ މިއަދު މަ މާރީތީ ތަ؟” ވަރުބަލިކަން އެކުލެވޭ މޫނަށް ހިނިތުންވުމެއް ގެންނަމުން ސަދަފް އަހައިލީ ލާނެތް ރާގަކަށެވެ.
“އިޒް އިޓް އެބައުޓް އިރޫ؟” ވިޝާމް ކޮށްލީ މުޅިން ތަފާތު ސުވާލެކެވެ. އެ ސުވާލުން ސަދަފްގެ ހިނިތުންވުން އެކީގައި ފިލައިގެން ދިޔައެވެ. ނަމަވެސް ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް އޭނާގެ މޫނު އުޖާލާ ކޮށްލިއެވެ. އެކަމަކު ދޭނެ ރައްދެއް ނޭނގުނެވެ.
“އިޒް އިޓް؟” ވިޝާމް ސުވާލު ތަކްރާރްކޮށްލިއެވެ.
“މްމް، ތިބުނީ ކިހިނެތް؟” ކޮލަށް ދޫ ހަރާލައިގެން އިނދެ ސަދަފް ބަލައިލިއެވެ. އެބުނަން އުޅޭ އެއްޗެއް އެނގުމުން ސަދަފް ބޭނުންވީ ސުވާލުން ރެކިގަންނާށެވެ. ނަމަވެސް އެކަން ވާ ގޮތެއް ނުވިއެވެ.
“ރޭގަ ނުރޮން؟ ދެލޯ ދުޅަވެފަ އޮތީ ތިއްތިބެ ވަތް އިރު.. މުޅި ކޮޓަރިއަށް ހީވަނީ ނަގޫ ރޯޅިއެއް އަރާފަ އޮތް ހެން.. ދެން ނުބުނާތި ހުން ބުރާންތީގަ ވެފަ ހުރި ގޮތެކޭ.. ގިނަ ފަހަރު އެނގޭ ކަމެއް ވެފަ ކަން… ކޮންމެ ފަހަރަކު ސުވާލް ކުރީމަ ޝެޑީ ދޭ ތާކުން ތާކު ނުޖެހޭ ޖަވާބުތައް އެއީ ދޮގުކަން އެނގޭ އިރު ވެސް ތިއްތިބެ ހުންނަނީ ޝެޑީ އަމިއްލައަށް އައިސް ކިޔައިދޭނެ ކަމުގެ އުއްމީދުގަ.. ދެން ބުނެބަލަ ކިހިނެތް ވީ؟ ” ވިޝާމް ފަހު ފަހަރަށް ސުވާލް ކުރީ ދޮގު ހަދާނެ ހުރިހާ ކޮޅެއް ރަނގަޅަށް ވެސް، ސަދަފްއަށް ބަންދުކޮށްލާފައެވެ. އިރުކޮޅަކު އެހެން އިނދެ ބަލައިލީ ދުރެވެ. އޭރު އެދެލޮލަށް ޖަމާވި ކަރުނަތައް ރީތިކޮން ވިޝާމް ދެކުނެވެ. ހިތައް ނުހަނު އުނދަގޫ ވިއެވެ. އެ އުނދަގޫ ބޮޑުވީ އެ ކަރުނުތައް ހިންދާލަމުން ސަދަފް ގަދަކަމުން ހީލިގޮތް ފެނިފައެވެ.
“ޑޯންޓް ސްމައިލް! ޖަސްޓް ޑޯންޓް! ކިޔައިދީބަ ކިހިނެތް ވީ؟ ކަމެއް ކޮށްދެވެނީ ވެސް ކިޔައިދީގެންނޭ.. ހެލްޕް ވާން ބޭ-”
“އޯކޭ ބަސްޓް ވީ ދޯ.. ހެލްޕް އޭ؟ ނާހް.. ނާހް.. ނޯ ވަން ކޭން!” މޭގެ ތެރޭގައި ދިލަ ވޭނެއް އަޅަމުން ދިޔައިރުވެސް، ސަދަފް ދިޔައީ ނެތް ހިތްވަރު ނެރެމުން އެކަން ނުދައްކާ ވޭތޯ ބަލަމުންނެވެ.
”ކީއްވެ އެހީ ނުވެވޭނީ؟.. އަހަރެމެން ދެމީހުން މީ އަބަދުވެސް އެއްކޮން އުޅޭ ބައެއް.. ކުޑަ އިރުވެސް، މާއިންއާއި ނުބަހައްޓާ ގާތްކަން ބަހައްޓަން.. ދިމާވި ކަމަކުން ދުރުވެވިފަ އަނެއްކާ ގާތްވެވުނީ.. ވާހަކަ ނުދައްކާ ތިބި ދެ އަހަރު ދުވަސް އެއީ މަގޭ ހަޔާތުގަ އައި އެންމެ ހިތްދަތި ދުވަސްތައް.. ކަމެއް ވާއިރަށް ދުއްވައިގަންނަނީ އިޔާން ކައިރިޔަށް .. ނޫނީ ޝެޑީ ކައިރިއަށް.. އެވާހަކަ ބާއްވަމާ.. އެކަމަކު ޝެޑީގެ ހިތުގަ އޮތްގޮތައް ތިކަންތައް ކިޔައި ނުދެނީހެއް މިފަހަރު ނުދާނަން” ވިޝާމްގެ މޫނުމަތީގައިވީ މޮޅިވެރިކަމެވެ.
“ކިޔައިދިނުމަކުން ނެތޭ ފައިދާއެއް.. ވަރަށް ވިސްނާފަ ގޮތެއް ވެސް ނިންމައިފިން.. މިއުޅެނީ ރާއްޖެ ދޫކޮށްދާން”
ސަދަފްގެ ޖުމްލަ އިވި ގަބޫލް ނުކުރެވިގެން ވިޝާމްއަށް ކޮޅަށް ތެދުވެވުނެވެ. އޭނާގެ މޫނުން ދެރަޔާއި އެއްވަރަށް ނުރުހުންތެރިކަން ފާޅުވެއްޖެއެވެ. އެވަރުގެ ބޮޑު ނިންމުމެއް ، އޭނާއާއި ވާހަކަ ނުދައްކާ ސަދަފް ނިންމީތީވެސް ރުޅިގަދަވީ ވަރުން ރޮވެން އުޅުނުހެން ހީވިއެވެ.
“ކީކޭ؟ ރާއްޖެ ދޫކޮށް ދާށޭ؟ މޮޔަވީތަ؟ ސަދަފް މޮޔަވީހޭ؟” ވިޝާމްގެ އަޑު ބާރެވެ.
“ތިއްތިބެ ދުވަހަކުވެސް މީހަކު ދެކެ ލޯބި ވީން؟ އެ އޯކޭ، އެކަމަކު ފުރަތަމަ ބުނެބަލަ، އިޔާންގެ ކަންތަކުގަ ތިއްތިބެ ގަބޫލު ކުރަންތަ މަ އިނޮސެންޓް ކަމަށް؟ ނުކުރަމެންނު ؟ އެހެންވީމަ! ނެތެންނު ކިޔައި ދިނަކަސް ފައިދާއެއް! ދެން ތިބުނީ އިރަމް.. އާހްހް އިރަމް ދެކެ ކިތަންމެ ލޯބިވިޔަސް ނެތޭ ކާމިޔާބު ޥާކަށް.. މިތާގަ ހުރެ އޭނާ އެހެން މީހަކާއި އެއްކޮން އުޅޭތަން ބަލާކަށް، އައި ކޭންޓް!.. އައި ޖަސްޓް ކޭންޓް ތިއްތިބޭ! އިޓް ހާޓްސް.. އައި ކޭންޓް އީވެން ސޭ ހައު މަޗް އައި ލަވް ހާރ.. ބަސްތަކެއް އަމުނާލާފަ ދުލުން ބުނެވޭ ވަރަށް ވުރެން ބޮޑަށް ލޯބިވޭ.. އަހަރެންގެ ނަން އެހެން ގޮތަކަށް ލޭބަލް ވެފަ އިނަސް ، އެއީ މިދުނިޔެ މަތިން ވެސް ލޯބިވި ހަމައެކަނި އަންހެން ކުއްޖާ.. އިޔާން ގަބޫލު ނުވާނެކަން އެނގޭ ތީ ކަންނޭގެ ދެން އޭނާ މިހާރު އެހެން އެއުޅެނީ.. ދުވަހަކުވެސް ގަބޫލެއް ނުކުރަން އަހަންނަކީ މިހާ ފިނޑި މީހެއްކަމަކަށް، އެކަމަކު މިޙާރު ގަބޫލް ކުރެވިއްޖެ ކިހާ ބޮޑު ފިނޑިއެއްކަން… އަދި ކިހާ ގަމާރް މީހެއްކަން.. އަމިއްލައަށް ބޮވުނު ބޮނޑި ” ނުބުނަން ހިތްވަރު ކުރި ނަމަވެސް ސަދަފްއަށް ބުނެވިއްޖެއެވެ. ދެލޮލުގައިވީ ރިހުން ކަރުނައިގެ ސިފައިގާ ބޭރު ކުރެވުނެވެ. ދެލޮލުން ފޭބި ފެންތައް ފުހެލަމުން އިސްޖަހާލިއެވެ.
“ތިއްތިބެ އެނގިއްޖެ އެހުރިހާ ކަމެއްގަ ސަދަފް އިނޮސެންޓްކަން” ސަދަފް ސިހުނީ ވިޝާމްގެ ޖުމްލައިންނެވެ.
“ކީކޭ؟”
“މިބުނީ ހުރިޙާ ކަމެއްގައި ޔަނާލްއާއި އެކު އުޅުނީ ޝެޑީއެއް ނޫނޭ.. ދޮންބެދައްތަ ކިޔައިދީފި ހުރިހާ ވާހަކައެއް…. އަމް ސޯ ސޮރީ.. އެދުވަހު ވީ ގޮތުން އެހެން ގަބޫލްކުރަން ޖެހުނީ”
ނާޔާގެ ފަރާތުން އިނގުނު ހުރިހާ ކަމެއް ސަދަފްގެ ގާތުގައި ވިޝާމް ކިޔެވެ. އޭރު ދެލޮލަށް ޖަމާވި ކަރުނުތައް ހިފަހައްޓާލެވޭތޯ ސަދަފް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވިޝާމް ބައްދާލުމުން އޭނާއަކަށް ނުހިފެހެއްޓުނެވެ. އެފަދަ އަޅާލުމަކަށް އިންތިހާއަށް ބޭނުންވެފައި ހުންނަތާ ވީ ކޮން ދުވަހެއް ހެއްޔެވެ. ކުޑަ ކުއްޖަކު ފަދައިން ރޮވެމުން ދިޔައިރު ވިޝާމްގެ ދެލޮލުން ވެސް ކަރުނަތައް ނުހުއްޓުނެވެ. ސަދަފްގެ ހިތައް ހަމަޖެހުން އިޙްސާސް ވަމުން ދިޔައިރު ޖަޒުބާތީވީއެވެ. އިރުކޮޅެއް އެގޮތުގައި ވީފަހުން ކަރުނަތައް ހުއްޓުނެވެ. ވިޝާމްގެ ކޮނޑުން ބޯ ނެގިއިރު، ރުއިމުގެ ސަބަބުން މޫނުމައްޗަށް ރަތްކަމެއް ފެތުރިއްޖެއެވެ. ދެ ޒުޥާނުންނަށް ބަހެއް ނުބުނެވެނީސް ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް އިޔާން ފެނި، ސަދަފް މުޅީން ހުއްޓުން އެރިއެވެ.
****
(ނުނިމޭ)
މި ޖިސްމުގާ ވަނީ 38
ރޮވިއްޖެ😭😭ޝެޑީ…ވ ރީތި🤍
damnn😭😭😭
U cant stop anywhere just bcx u want
Just think about us
I wish this shaaira to get killed😏😏
Ahhh
I hate she
I hate her
But i cant wait for the nextt😩😩❤️❤️
Alhey dhenvaanee kihineh next part avahah up kolladhehchey Masha Allah Vvvvvvv reethi mi part ves
Cant wait for next episode 😭♥️Ahh. Finally shedyyy
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Mi part vx varah varah reethi….
Haadha curious kohlaafa ey thi ninmaalyyyh….
When next ??? Avahah up khdhehcheyyy