މި ޖިސްމުގާ ވަނީ 37 – Vaahaka by Ann
މި ޖިސްމުގާ ވަނީ

މި ޖިސްމުގާ ވަނީ 37

ސަދަފްގެ ތޫނު ނަޒަރު ހުއްޓިފައިވީ ސީދާ އިރަމްގެ ދެލޮލަށެވެ. ހަމަޖެހިލެވުމުން އިރަމް ލަދުގަންނަ ގޮތްވިއެވެ. އެހުރިހާ އިރު އިރަމް ރުއި އިރުވެސް ސަދަފް އެތާގައި ހުރިބާއެވެ. ގައިމުވެސް އެތަނަށް އޭނާ ވަތްފަހުން އިތުރު މީހަކު ނުވަދެއެވެ. ވަންނަ ދޮރުވެސް އިނީ އިރަމްއާއި ގާތަށެވެ. ވާހަކަ ދައްކަން ބޭނުންވީ ނަމަވެސް ލަދުގަތްފައި ހުރި ވަރުން އިރަމް ދިމާކޮށްލީ ނުކުންނާށެވެ. ނަމަވެސް ސަދަފް މާ ހުށިޔާރެވެ. އިރަމްގެ އަތުގައި ހިފައި ގާތައް ދަމާލިގޮތައް ގެންގޮސް ފާރުގައި ތަތްކޮށްލިއެވެ. މިނިވަން ނުވެވޭނެހެން ދެފަރާތުން ދެއަތް ގެންގޮސް އިރަމްގެ އަތްތިލައާއި ގުޅުވާލަމުން ފާރުގައި ޖެއްސިއެވެ.
****
” އަންނާށޭ ބުނެފަ، މިހާރު މަ ފެނުނީމަ ވެސް ފިލަން ދަނީތަ؟” އެހާ ގާތުގައި ހުރެ ސަދަފް ވާހަކަ ދައްކަމުން ދިޔަ ގޮތުން އިރަމްގެ މޭގެ ތެރޭގައި ފިނީގެ އޮއިވަރެއް ހިނގައިގަތެވެ. ކޮންމެ ބަހަކާއެކު ސަދަފްގެ ނޭވާގެ ހޫނުކަން އިރަމްގެ ކޯތާފަތަށް އިހްސާސްވަމުން ދިޔައިރު، ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސްވެފައެވެ. އެ ބާރުގަދަ ދެލޮލުގެ ތެރެއަށް ގެނބެމުން ދިޔައިރު، އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ކެނޑި، ހިތް މަޑުމަޑުން ގަނޑުވަމުންދާ ކަމުގެ އިހްސާސް ކުރެވުނެވެ. ނޭވާބެދޭ ފަދަ އެ ހިމޭންކަމުގެ ތެރެއިން ސަލާމަތްވުމަށްޓަކައި އިރަމް ތެޅިގަތީ ދުރުވެލުމަށެވެ.
“ކިހިނެތް ވީ؟ މަ ގާތްވީމަ ކަމުނުދަނީތަ؟ މާއިން ނޫން ވީމަ ދޯ!”
ސަދަފްގެ ކޮންމެ ބަހެއްގައި ޖެއްސުމާއި މަލާމާތުގެ އަސަރު އެކުލެވިފައި ވީ ނަމަވެސް، އެ އަޑުގައި ވަނީ ފޮރުވިފައިވާ ރިހުމެކެވެ. ފެންކަޅިވެފައިވާ ދެލޮލުން ފެންނަމުން ދިޔައީ ބަޔާންކުރަން ދަތި ތަފާތު ކުލަވަރެކެވެ. މަޑު ތުރުތުރުލުމަކާއެކު ކޮންމެ ހިނދުކޮޅެއްގައި ވެސް އެ ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަނެފާނެހެން ހީވެއެވެ. ދުލުން އެއްވެސް އިއުތިރާފެއް ނުވި ނަމަވެސް، އެ ފުން ބަލާލުމުގައި ވަނީ ބަސްތަކަށް ވުރެ ބާރުގަދަ ލޯތްބެއްގެ ހެކިތަކެވެ.
ސަދަފްގެ އެ ކަރުނުން ފުރިގެންވީ ބަލާލުމުން އިރަމްގެ ހިތަށް މަޑުކަމެއް އައި ނަމަވެސް، މާއިންއާއި އޭނާ ގުޅުވާފައި، ސަދަފް ބޭރުކުރި ވިހަގަދަ ޖުމްލަތަކުން އިރަމްގެ މުޅި ނަފްސުގައި ރުޅީގެ ހުޅުގަނޑެއް ރޯވިއެވެ. ކުރިއަށް ވުރެ ބާރަށް ކުއްލިއެއް ޖަހާލައި ސަދަފްގެ ކިބައިން މިނިވަންވާން މަސައްކަތް ކުރިއެވެ. ނަމަވެސް އެވަރުގަދަ ދެއަތުގެ ތެރޭގައި އިރަމްގެ ނާޒުކު ހަށިގަނޑު ވަނީ މުޅިން ހައްޔަރުވެފައެވެ. އެ ހިސާރުން ސަލާމަތްވާނެ އެއްވެސް މަގެއް ނުފެނި، ހިތްވަރު އެލެން ފެށުމުން، އެންމެ ފަހުން އިރަމްގެ ކެތްތެރިކަން ކޮޅުންލައި ކަރުނަތައް ބޭރުވެ، ހިމޭން ގިސްލުމެއްގެ އަޑު ހިފާލައިފިއެވެ.
“އިރަމް ކީއްވެ ތި ރޮނީ؟ މާއިންގެ ވާހަކަ ބުނީމަ އުފަލުންތަ ؟”އަޑު ބޭރުނުވީ ނަމަވެސް، ކެތްތެރިކަމުގެ އިންފަހަނައަޅައި، ސަދަފްގެ އިޝާރާތަކަށް ބަލަބަލާ ހުރި ކަރުނައިގެ ކޯރު ކޯތާފަތްމަތިން އޮހިގަތެވެ. ކަރުނަތައް ފުހެލަން ވެސް ނޫޅުނެވެ. ފާރުން އަތް ނައްޓަލަމުން އިރަމްގެ ކޯތާފަތުގެ ދެފަރާތުން އަތް އަޅުވާލިއެވެ.
“ސެޑީ..ޕްލީޒް އަހަންނާއި މާއިން އާއި ތިހެން ނުގުޅުވާ.. އެއީ އަހަންނަށް ސްޓްރޭންޖާރއެއް..” ރުއިމުގެ ތެރެއިން އިރަމްއަށް ބުނެވުނެވެ. ފުރަތަމަ ފަހަރަށް ސަދަފް ރޮމުން ދިޔަ މަންޒަރު ފެނި ކުށްވެރިކަމުގެ އިހްސާސް އިރަމްއަށް މާބޮޑަށް ކުރުވަމުން ދިޔައެވެ. އޭނާގެ އެ ޖުމްލައިން ސަދަފްއަށް ހަމަޖެހުމެއް ލިބުނު ހެން ހިއެއް ނުވިއެވެ.
“ދެން ކީއްވެހޭ ނުދާށޭ ބުނީމަ އޭނަފަހަތުން އައީ!ކީއްވެ ވާހަކަ ދެއްކީ! އެއީ އަހަރެން އިރަމް ކުރެން އެދުނު ހަމައެކަނި ކަންތައް.. އެކުޑަ ކުޑަ ކަންތައް ވެސް ނުކޮށްދެވުނެއްނު! ” އެއް އަތް މިނިވަން ކޮށްލަމުން ދެލޯ ފުހެލަމުން ސަދަފް ވާހަކަ ދެއްކިއެވެ. ސަދަފްގެ ޝަކުވާތަކުން އިރަމްގެ ހިތް އިތުރަށް ކުދިކުދިވަމުން ދިޔައެވެ.
“އެންމެ ފަހަރަކު ވެސް ސަދަފް ނުދެމެންނު ވާހަކަ ދައްކާނެ ފުރުސަތެއް!” އިރަމްއަށް އޭރުވެސް ދިޔައީ ރޮވެމުންނެވެ.
“ވާހަކަ ދައްކާނެ ކޮން ފުރުސަތެއްތަ ދޭން އޮތީ، އިރަމް! ވީ ގޮތެއް ނޭނގި މަށާއި ދުރުވީމަ ވާހަކަ ދައްކަން އަހަރެން ތި ފޯނަށް ގުޅީމަ، ފޯނު ނެގިންތަ! ވާހަކަ ދައްކަ ފުރަސަތެއް ދޭން އެދި އާދޭސް ކުރީމަ ވެސް އެ ފުރުސަތު ދިނިންތަ؟ ކުރި އެއްވެސް މެސެޖަކަށް ޖަވާބު ދިނިންތަ؟ އޭންން! ދެން އެދުވަހުގެ ވާހަކަ ދައްކަމާ ދޯ، އިރަމްގެ ބައްޕަ ބަލާ ދާން އުޅެނިކޮން އިރަމްއެއް ނޫންތަ ބުނީ ރައްޓެއްސަކާއި އެކު އޭ މިދަނީ.. އެ ރައްޓެއްސަކީ މާއިން އެއްނު! އެހާ ވެސް ގާތެއްނު މާއިން.. އިރަމްއަކަށް ނެތޭ ބުނެވޭކަށް، ބަލާ ދާނެ މީހަކު ނުވެގެންނޭ މާއިންއާއި އެކު ގެއަށް އައީ.. މިއީ މީހެއްގެ ފުށުން އިވުނު ކަންކަމެއް ނޫނޭ.. އަހަރެންގެ ކުރިމަތިން ފެނުނު މަންޒަރާއި މި ކަންފަތައް އިވުނު އަޑުތަކޭ މިއީ!.. އޭނައާއި ދުރުން އުޅެން ބުނީ އަހަންނަށް އިރޫ ގެއްލިދާނެތީ، އެކަމަކު އިރޫ ބޭނުމެއް ނުވިއެއްނު އެގޮތެއް.. އަހަރެން ހަމައެކަނި އެދުނު އެދުން ބޮލާލާ ޖެހިއިރު، ތިހިތުގަ މަށާއި ދޭތެރޭގަ އެއްވެސް ކަމެއް ނެތެއްނު! ކެރޭނެތަ މިއިން އެއްވެސް ކަމެއް ދޮގުކުރަން.. ކެރޭނެތަ؟” ފަހަރަކަށް ވުރެން ފަހަރެއް ސަދަފްގެ ތުރުތުރު ލަމުން ދިޔަ އަޑުބާރުވަމުން ދިޔައިރު އިރަމްގެ ކަރުނަތައް ވީ އިތުރެވެ. އޭނާގެ ދުލުގައި ވަނީ ތަޅެއް އެޅިފައެވެ. ބުނާނެ އެއްވެސް ބަހެއް، ދައްކާނެ އެއްވެސް އުޒުރެއް އޭނާގެ އަތަކު ނެތެވެ. ސަދަފް ބުނި ކޮންމެ ވާހަކައަކީ ކަނޑުގައި އެޅި ރޮނގެއް ފަދަ ސާފު ހަގީގަތެކެވެ.
“އަމް ސޮ..ރީ” ދެލޯ މަރާލެވުނު ސަދަފްގެ އަތުން މިނިވަން ވި އަތް އަނގަ މަތީގައި ބާއްވާލެވުނެވެ.
“ސޮރީ އޭ؟ ހިތުހުރިހާ ގޮތަކަށް އުޅެފަ، ކޮން ސޮރީ އެއް؟ ކިތަންމެ ބޭނުންވިޔަސް މިއީ ނުޥާނެ ކަމެއް.. މިއަދުން ފެށިގެން އެއްވެސް، އެއް.. އެއްވެސް ގުޅުމެއް ނޯންނާނެ! ” އެއީ ބޭރު ކުރަން ކިހާ އުނދަގޫވި ޖުމްލަ ތަކެއްކަން އެނގޭނީ އޭނާއަށްތާއެވެ. ކިތައްމެ ދެރަވީ ނަމަވެސް އެންމެ ފަހުގެ ނިންމުން އިއްވިއެވެ. އެވަގުތު އަނެއްކާ ވެސް ކަރުނަތައް ދެލޮލަށް ބޮނޑިވެގަތެވެ. ނަމަވެސް އިތުރަށް އިރަމްގެ ކައިރީގައި ހުރެ ރޯކަށް އޭނާ ބޭނުމެއް ނުވިއެވެ. ބާރަށް ތުންފަތް ފިއްތާލިއެވެ. އިރަމްއާއި ދުރުވެ ފުރިހަމައަށް އިރަމްއަށް ދޫދިނެވެ.
“ޝެޑީ ޕްލީޒް-” އިރަމް ވާހަކަ ދެއްކުމަށް މަސައްކަތް ކުރިނަމަވެސް، އެމަސައްކަތް މެދުކަނޑާލަން ޖެހުނީ ސަދަފް އަތް ހިއްލާލުމުންނެވެ. ދެފަރާތައް ބޯހޫރުވާލީ، އިރަމް ދައްކާ އެއްވެސް ވާހަކައެއް އޭނާ އަހާކަށް ބޭނުމެއް ނޫނޭ ބުނާ ފަދައަކުންނެވެ.
“ޝެޑީ، އައި ލ-”
“މިބުނީނު ވާހަކަ ނުދައްކާށޭ! އަޑެއް ނީވޭތަ! މިވަގުތު ވެސް މަ ފެންނަނީ މާއިންގެ ސިފައިގަ ދޯ؟ އެހެންވެ އެންނު ތިއުޅެނީ މައިތިރި ނުވެވިގެން”
ސަދަފް ހަޅޭއްލަވައިގަތެވެ. އިރަމް އެފަދައިން ގިސްލާ ރޮމުން ދިޔަ މަންޒަރުން ހިތް ކުދި ވަމުން ދިޔަނަމަވެސް އެހިތުގައިވަނީ އިންތިހާއަށް ޝަކުވާއެވެ. ފުރަގަސް ދެމުން އިރަމްއާއި ދުރަށް ހިނގައިގަތް ހިނދު ދެފައިގާ ކަސްތޮޅު އެޅުވިގެން ދިޔައީ އިރަމް ދުވެލާފައި އައިސް ފަހަތުން އޭނާގެ މެދު ހަށީގައި ބާރަށް ބައްދާލުމުންނެވެ. ލައިގެން ހުރި ޓީޝާޓުގެ ތެރެއިން އެ ކަރުނައިގެ ތެތްކަން އިޙްސާސް ކުރެވުނެވެ. ވިސްނާލާފައި ހަރަކާތެއް ނުގެނެސް އޭނާ ހުއްޓެވެ. އެހެން ތިއްބާ އިވެންފެށީ ދޮރުގައި ޓަކިދޭ އަޑެވެ. އެތެރެއިން ސަދަފް ތަޅުލާފައި ހުރުމުން ބޭރުގައި ހުރި މީހަކަށް އުޅެނީ ނުވަދެވިގެންނެވެ.
“އިރޫ.. އިރޫ އެތެރޭގަތަ؟” މާއިންގެ އަޑު އިވުމާއެކު ސަދަފްގެ މުޅި ހަށިގަނޑަށް ޒާތެއްގެ ލޮޅުމެއް އަރައިގެން ދިޔައެވެ. މިއީ ތަގްދީރުގެ ކޮންފަދަ ސަކަރާތެއް ހެއްޔެވެ؟ ހާލަތު ކިތަންމެހާ ވެސް ބޮޑަކަށް މިފަހަރު އިރަމްއަށް ކެހިދީފިއެވެ. ކުއްލިއެއް ޖަހާލާފައި ސަދަފް، އެ ހަށިގަނޑުން އިރަމް ދުރުކޮށްލިއެވެ. ބަލައިލީ ރުޅިވެރިކަމާއި ވޭނުން ފުރިފައިވާ ނަޒަރަކުންނެވެ.
“ބުނީމެންނު އިރަމް ނުހުއްޓާނެއޭ! އެންމެ ފަހުން މިތަނަށް ވެސް ގެނައީ..” އެންމެ ހިނދުކޮޅަކު ވެސް ސަދަފް ނުހުއްޓެވެ. ދޮރުން ނުކުމެ ގައި ހުރިބާރަކަށް ދޮރުޖެހިއިރު މާއިން ނުބައި ޒާތަކަށް ހީލައިގެން ހުރި މަންޒަރުފެނި ރުޅި ދެގުނަވިއެވެ. އަލުން އެނބުރި އެކުވެރިންގެ ގާތައް ދިއުމުގެ ބަދަލުގައި އޭނާ މިސްރާބް ބެހެއްޓީ ބޭރަށެވެ.

ސަދަފް ދިއުމުން ހުރި ދިމާލަށް އިރަމްއަށް ތިރިވެވިއްޖެއެވެ. ރޮވެމުން ދިޔައިރު މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައެވެ. ބޭރުގައި ހުރެ އަނެއްކާވެސް މާއިން ގޮވާލި އަޑު އިވިގެން ތެދުވެލަން މަޖުބޫރުވިއެވެ. ވެއްޓިފައިވާ ވަޅުގަނޑުން ތެދުވުން ނޫން ގޮތެއް އޭނާއަކަށް މިއަދަކު ނެތެވެ. މިއީ އަމިއްލަ ދެއަތުން ހޯދައިގަތް ކަމެކެވެ. އޭނާ މަޑުމަޑުން މޫނު ފުހެލަމުން، ތުރުތުރުލާ ހާލުގައި ހަމަ އިސްކޮޅަށް ދެމިލިއެވެ.
އެންމެ ފުރަތަމަ ވެސް މާއިންގެ ލޮލުގައި އަޅާއިގަތީ އިރަމްގެ ދުޅަވެ ރަތްވެފައިވާ ދެލޮލެވެ. ޒާތަކަށް އުނދަގޫވީ ނަމަވެސް އެއްވެސް ފަރުވާލެއް އެކަމަށް ދޭކަށް ނުވިސްނިއެވެ.
“ކިހިނެތްވީ؟ އަހަރެން ވޮޝްރޫމް ތެރޭގައި އަތް ދޮވެލަން މަޑުކޮށްގެން ހުއްޓަ އިރަމް މާ ބާރަށް އެތެރެއަށް ވަދެ ނުކުތީމަ ވީ ގޮތެއް ބަލާލަން މި މަޑުކޮށްލީ.. ސަދަފް ހާދަ ރުޅި އައިސް ދިޔައީ .. ” އެތެރޭގައި ދެމީހުން ދެއްކި ވާޙަކަ ފުރިހަމައަށް އިވުނު ނަމަވެސް މާއިންއަށް އެއަޑު އިވުނުކަމެއް ނުދެއްކިއެވެ. މައުސޫމްކަމާއި ނިޔަނެތި ކަމުގައި ހުރެ އިރަމް ކުރެން ސުވާލް ކުރަމުން ދިޔައެވެ.
މާއިން ދެކެ އިންތިހާއަށް ރުޅި އައިސް ހުރި ނަމަވެސް ، އެވަގުތު އޭނާއާއި ދެކޮޅަށް ފަށާކަށް އިރަމްގެ ހިތަކު ނެތެވެ. ހަގީގަތުގައިވެސް މާއިން މިފަހަރު އެބުނީ ތެދަކަށް ވެދާނެއެވެ. ސަދަފް ހޯދުމަށް އައިސް ފިރިހެނުންގެ ފާހަނަ ބަރިއަށް ވަތް އިރު އެތަނުގައި މީހަކު ހުރިހެން އޭނާއަށް ވެސް ހީވިއެވެ. ނަމަވެސް އެވަގުތު އެތަނުގައި ތިބި ބައެއް ބެލޭވަރަށް ވުރެން އިރަމްއަށް މުހިއްމުވީ ސަދަފް ހޯދުމެވެ. އެހެންކަމުން ޒުވާބު ކޮށް އެމޫނު ނޮޅާލަން ބޭނުން ވީ ނަމަވެސް، އެކަމަކަށް ހިތްވަރެއްނެތެވެ. އެއަށް ވުރެން މާ ބޮޑަށް ހިތުގައި ދިޔައީ ވޭން އަޅަމުންނެވެ. ބޭނުންވީ އެކަނި އިނދެ ހިތްފުރެންދެން ރޯލުމަށެވެ. ގަދަކަމުން ހިނިތުންވެލަމުން އިތުރު ބަހެއް ނުބުނެ އިރަމް މިސްރާބް ޖެހީ އެތަނުން ބޭރަށެވެ. ފަހަތުން މާއިން އަންނަން ނޫޅުމުން ދޫކޮށްލެވުނީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ.
****
އިޔާންއާއި އެކު އަމީރާ ހޮސްޕިޓަލްގެ ތެރެއަށް ވަދެވުނު ހިނދު ފުރަތަމަ ވެސް ލިބުނީ ސިހުމެކެވެ. އަމީރާ ދައްކަމުންދާ ޑޮކްޓަރު ޝަހުމާއާއި އެކު އެހުރީ ނާޔާ ނޫން ދެވަން މީހެއް ނޫނެވެ.
“ދޮންތަ މިގަޑީގަ؟” އެހާ ނުވަގުތަކު ނާޔާ ފެނުމުން އިޔާން ހުރީ ހިސާބަކަށް ނުތަވަސްވެފައެވެ. އެރެއަކީ އަމީރާގެ ޓެސްޓްތަކުގެ ނަތީޖާ ލިބިފައިވާތީ ދެއްކުމަށް އަންނަން ޖެހިފައިވާ ރެއެވެ. ނާޔާއާއި ދިމާވެދާނެ ކަމުގެ ބިރަށް އިޔާން އައީވެސް ތަންކޮޅެއް ލަސްކޮށްލާފައެވެ. އައިކޮޅަށް ނުކުންނާކަށް ވެސް އިޔާން ބޭނުމެއް ނޫނެވެ. އަނެއްކޮޅުން ނާޔާއަށް އެމީހުން ފެނިއްޖެއެވެ. އެމީހުން ފެނުމުން ހައިރާން ކަން އެމޫނުން ނުފެންނާތީ އިޔާންގެ ހިތުގައި ސުވާލް އުފެދުނެވެ.
“ނާޔޫ ދައްތަ؟ އަޅޭ، އަހަރެން ބޭނުމެއް ނޫން އަދި އެނގޭކަށް ” ނުތަނަވަސްވެފައި ހުރެ އަމީރާއަށް ބުނެވުނެވެ. އެ ސުވާލަށް އިޔާންއަށް ޖަވާބެއް ނުދެވެނީސް ފެނުނީ ނާޔާ އައިސް ކުރިމައްޗަށް ހުއްޓުނު މަންޒަރެވެ.
“އާދޭ.. ދެމީހުންގެ އިންތިޒާރުގަ މިތިބީ؟” ނާޔާގެ އަޑުގައި ހިތްހަމަނުޖެހުން ވެސް ވީހެން ހީވިއެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ ފަހަތުން ދެޒުވާނުން ދިޔައެވެ.
“އަޅުގަނޑަކަށް ފުރަތަމަ ނޭނގޭ ޑޮކްޓަރ ނާޔާގެ ކޮއްކޮކަމެއް .. މި ކޭސް ހިއްސާ ކޮށްލީމަ ،ޕޭޝަންޓްގެ އިންފޯއަށް ބަލައިލިތަނާ އެނގިގެން ޝީ ވެއިޓެޑް ފޯރ ޔޫ.. ” ޝަހުމާގެ ވާހަކައިން ނާޔާއަށް އެކަން އެނގިގެން ދިޔަގޮތް ސާފްވިއެވެ. ހިތް ދިރުވާލެވުނު އިރު ކުށްވެރިކަމުގެ އިޙްސާސް އިޔާންއަށް ކުރެވުނު އިރު ނާޔާގެ މޫނަށް ބަލައިލަމުން މަޑުމަޑުން ‘ސޮރީ’ އޭ ބުނެލިއެވެ. ލޯ ހަނިކޮށްލައިގެން ހުރެވެސް އޭނާ ބޯޖަހައިލިއެވެ.
“އަމީރާ،ކޮބާ ބޭސް ވޯކް ކުރޭތަ؟” ފުރަތަމަ ވެސް ހިތްހެޔޮ ކަމާއި އެކު ޝަހުމާއެހިއެވެ. ހަތަރު ދުވަސްކުރިން އިޔާން ވަކިން ބައްދަލްކޮށް އަމީރާގެ ހާލަތު ފުރިހަމައަށް ކިޔައިދީފައިވާތީ އެކަމާއި ބެހޭގޮތުން އޭނާ ސުވާލެއް ނުކުރެއެވެ. އެދުވަހު އޭނާ ލިޔެދިން ބޭހުން ލުޔެއް ލިބުނުތޯ އަހާލުމުން އަމީރާ ބޯޖަހައިލިއެވެ.
“އެދުވަހު އަޅުގަނޑުމެން ހެދި ހުރިހާ ޓެސްޓެއްގެ ރިޒަލްޓްސް ލިބިފަ ހުރީ.. އެމް.އާރް.އައި އަދި އީ.އީ.ޖީ ރިޒަލްޓްސް އިން އަޅުގަނޑަށް ފާހަގަ ކުރެވިއްޖެ، ‘ ޑިސޯސިއޭޓިވް އެމްނީޝިއާ’.. މިހާރު ހަށިގަނޑަށް ތި އަންނަ ބަދަލް ތަކަކީ މިބަލީގެ ސަބަބުން އަންނަ ބަދަލްތަކެއް.. އޭގެ މާނައަކީ ސިކުނޑީގައި ބަންދުވެފައި ހުރި ބައެއް ހަނދާންތައް ބޭރަށް ނުކުންނަން މަސައްކަތް އެބަކުރެއޭ. އެހާ ގިނަ ދުވަހު އެ ހަނދާންތައް ފޮރުވިފައި ހުރުމުން، ކުއްލިއަކަށް އެ ހުރިހާ ކަމެއް އަންނަން ފެށިމަ އެކަންތައް ސިކުނޑިއަކަށް ބަރުދާސްތެއް ނުކުރެވޭނެ. ޕެނިކް އެޓޭކްތައް އަންނަނީ އެ ސަބަބާއި ހުރެ” ޝަހުމާ ބަލައިލީ އަމީރާގެ މޫނަށެވެ. އަމީރާއަށް ދެއަތް ދެއަތާއި މޮޑެލެވުނެވެ. އެހެން އިނދެ ބަލީގެ ތަފްސީލަކަށް އެދުނެވެ.
” މި ބަލީގެ ސަބަބުން ދިމާވާ ކަންކަމަށް ބަލާއިރު ފާހަގަ ކޮށްލެވޭ ކަންކަމަކީ ކޮންފިއުޝަން ނުވަތަ އޮޅުންބޮޅުންވުން އަދި ސިކުނޑިއަށް ބާރުބޮޑުވުން، ދެން މިހުންނަނީ ޕްރެސިޕިޓޭޓިންގ ފެކްޓާސް ނުވަތަ ހަނދާން އާކުރުވާ ކަންތައްތައް.. ތަފްސީލަށް ބަލާއިރު ކޮންފިއުޝަން އޭ މިބުނަނީ، ކުއްލިއަކަށް މާޒީގެ ތަސްވީރެއް ސިކުނޑިއަށް ފެނުމުން، އެއީ ހުވަފެނެއްތޯ ނުވަތަ ހަގީގަތެއްތޯ ވަކިކުރަން އުނދަގޫވަނީ މި ބަލީގެ ސަބަބުން. އެފެންނަ ކަންކަން ތަރުތީބުކުރަން ސިކުނޑިއަށް ބޭނުންވާނެ ފުދޭވަރަކަށް ވަގުތު.. ދެން، ނޭފަތުން ލޭއައުމަކީ އަމީރާގެ ސިކުނޑި އެ ހަނދާންތައް ގަދަކަމުން ‘އަންލޮކް’ ކުރަން އުޅުމުގެ ނަތީޖާ. މާބޮޑަށް ވިސްނާ، އެ ހަނދާންތައް ހޯދަން މަސައްކަތް ކުރުމުން ސިކުނޑީގެ ނާރުތަކަށް ބާރުބޮޑުވެ، ލޭގެ ޕްރެޝަރު މައްޗަށް ދަނީ. އެހެންވެ ޕެނިކް އެޓޭކްސް މި އަންނަނީ.. މިއީ ސިކުނޑިއަށް ލޯޑްބޮޑުވާ ގޮތަކީ.. ދެން ހަނދާން އާކުރުވާ މަރްހަލާގަ ވާ ގޮތަކީ ، ވަކި ކަހަލަ ވަހެއް އަދި އަޑެއް، ނުވަތަ މަންޒަރެއް ފެނުމުން ކުއްލިއަކަށް ހަނދާންތައް އަންނަން އުޅޭނެ. މިއީ ސިކުނޑި ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެއް. އެކަމަކު އަހަރެމެން މިކަން ކުރަންވާނީ ވަރަށް މަޑުމަޑުން، ސިކުނޑިއަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް.. އެހެންވީމަ އަޅުގަނޑު ދޭނެ ނަސޭހަތަކީ، ގަދަކަމުން އެއްވެސް ކަމެއް ހަނދާންކުރަން މަސައްކަތް ނުކުރާތި.. އެއީ ނެގޭ ވަރަށް ބޮޑު ރިސްކެއް.. އަހަރެމެން މަސައްކަތް ކުރާނީ ‘ޕަޒްލް’ އެއް ހެން އެކި ދުވަސްމަތިން ކުދިކުދި އެތިކޮޅުތައް ގުޅުވައިގެން.. އެއީ އެންމެ ސޭފް ގޮތް” ޝަހުމާގެ ވާހަކަ ނިންމާލަމުން އަމީރާއާއި އިޔާންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ.
“އެހެންވީމަ ކޮބާތޯ ޑޮކްޓަރގެ ޕްލޭނަކީ؟” އިޔާން އަހާލިއެވެ.
“ތިން މަރްހާލާއަކަށް ފަރުވާ އިންނާނީ.. ފުރަތަމަ ކޮގްނިޓިވް ރިހެބިލިޓޭޝަން.. މީގައި ހިމެނެނީ ހަނދާން އާކުރުމަށް އެހީތެރިވާ ކަސްރަތުތަކާއި، ކަންކަމަށް ސަމާލުކަންދޭން ދަސްކޮށްދޭ ތެރަޕީތައް.. ދެވަނަ މިއިނީ މެޑިކޭޝަން. ތިންވަނަކަމަކީ ސައިކޮލޮޖިކަލް ސަޕޯޓް.. މިއީ އަޅުގަނޑު ޑޮކްޓާރ ނާޔާ ގެނެސް މިހުރި ރީޒަން .. ތި ދެކުދިންނަށް ކަންނޭގެ ޑޮކްޓާރ ނާޔާގެ މަސައްކަތް އެންމެ ރަނގަޅަށް އެނގޭނީ..” ޝަހުމާ ވާޙަކަ ދައްކަމުން ގޮސް ހީލިއެވެ. ނާޔާ ވެސްހީލަމުން ބޯޖަހައިލިއެވެ.
ފަރުޥާތަކާއި ބެހޭ އިތުރު ތަފްސީލްތައް ވެސް ޝަހުމާ ކިޔައިދިނެވެ. ދޭތެރެއަކުން ނާޔާ ވެސް އެއްޗެއް ބުނެލައެވެ. ނަމަވެސް އެއީ ޝަހުމާ އިސްވެ އަޙާލާ ސުވާލަކާއި ގުޅިގެން އެކަންޏެވެ. ޝަހުމާ ހުރުމުން އަސަރެއް ނުދައްކާ ހުރި ނަމަވެސް، ނާޔާގެ މޫނުމަތީގެ ހިތްހަމަ ނުޖެހުން ، އެކޮޓަރިން ބޭރުވުމާއި އެކުހެން އިޔާން އަށް ދައްކާލިއެވެ.
“އައި ތިންކް ވީ ނީޑް ޓް ޓޯކް.. ވެއިޓް” ދެޒުވާނުން ކުރެން އެކަކަށް ވެސް ބަހެއް ނުބުނެވެނީސް ނާޔާ އެތެރެއަށް ވަނީ ސައިންއައުޓް ވެލުމަށެވެ. އެނބުރި އައި އިރުވެސް އެ ހިތްހަމަ ނުޖެހުން އޭނާގެ މޫނުން ފެނެއެވެ.
ކާރަށް އެރި އިރުވެސް ތިންމީހުންގެ މެދަށް ވެރިވެފައި އޮތީ ހަމަހިމޭން ކަމެވެ. ނާޔާއަށް ކުރީ ސީޓް ޖާގަ ދިނުމަށްފަހު އަމީރާ އެރީ ފަހަތަށެވެ. އެހެން އިނދެ އިޔާންއަށް މެސެޖެއް ކޮށްލިއެވެ. “އައި ތިންކް ޔޫ ޝޫޑް ޓޯކް ހަރ..”
“ޔާހް.. ހީވަނީ ކިޔައިދޭން ޖެހޭނެހެން ހުރިހާ ވާހަކައެއް.. އޯކޭތަ؟”
“މްމްމް އޯކޭ.. ތެރަޕީ ނަގަންޏާ ނެތް ދޯ ނުކިޔައިދީ ވާނެ ގޮތެއް ވެސް.. އެހެންނޫނަސް ޑޮކްޓާރ ޝަހުމާ އޯލްރެޑީ ނާޔޫ ދައްތަ ކައިރީގަ ބުނެފަ އެހުރީ.. ޑޮކްޓަރުން އެކަކު އަނެއްކަކާއި ވާހަކަ ދައްކާނެ ކޭސް ތަކުގަ ގޮތް ނިންމާއިރު.. ހާއްސަކޮން މިކަހަލަ ކަންތައްތަކުގަ.. އެހެންވެ އަންޑަސްޓޭންޑް ވޭ” ވިސްނާލާފައި އަމީރާ ޖަވާބު ދިނެވެ. އެއާއިއެކު އިޔާން އެ މެސެޖެއް ހިތެއް ފޮނުވާލަމުން ފޯނު ލޮކް ކޮށްލިއެވެ.
ގެއާއި ހަމައަށް ދެވުމުން އަމީރާ ފޭބިއެވެ. އެތެރެއަށް ވަނުމުން އިޔާން އަލުން ކާރުގައި ދަތުރު ފެށިއެވެ. މޫދާއި ގާތް ހިސާބަކަށް ކާރު މަޑުކޮށްލަމުން، ފައިބައިގެން އައިސް ނާޔާ އިން ދޮރުފަތް ވެސް ހުޅުވާލިއެވެ. އެއްޗެއް ނުބުނެ ފައިބައިގެން އިޔާން ފަހަތުން އައެވެ. ދެމީހުން އިށިންދެލީ ގަސްތަކުގެ ތެރޭގައިޥާ ޖޯލިފައްޗެއްގައެވެ. ރޭގަނޑުގެ އެވަގުތު ވެސް މޫދު ކަސްރަތުގައި އުޅެމުންދާ މީހުން ފެނެއެވެ. ގުރޫޕްތަކާއި ޖޯޑު ގޯޑަށް މީހުން އަތިރިމަތީގެ އެކި ހިސާބުތަކުގައި ހަރަކާތްތެރި ވަމުން ދިޔައެވެ.
“ސޯ، މިހާރު މަށައް އެނގިއްޖެ އެމީ ބޮޑު ކަމަކާއި ގޯ ތްރޫކުރާ ކަން.. އަހަންނަކީ ތެރަޕީ ދޭ ސައިކޮލޮޖިސްޓެއްކަން އެނގި ހުރެ އިޔާން، ފުރަތަމަ މަގޭ ކައިރިއަށް ނައީތީ ދެރަވެއްޖެ.. ހާދަ ދުރުކޮށްލައިފި އޭ ދޯ.. ޝަހޫ ނުބުނި ނަމަ އަހަންނަށް ނޭނގުނީހެންނު އެކުއްޖާ މަރުވާ އިރުވެސް..” ހިސާބަކަށް ނާޔާގެ އަޑު ކުރެހިއްޖެއެވެ. އިތުރަށް ވާހަކަ ނުދައްކަން އިސްޖަހައިގެން އިނެވެ. އިޔާންގެ ފުރިހަމަ ނަމުން ނާޔާ މުހާތަބު ކުރާނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެންނެވެ.
“އަމް ސޮރީ…” އިޔާން ލަސްލަހުން ބުނެލިއެވެ. ނާޔާގެ އަތުގައި ހިފާލި ހިނދު ބޯޖަހަލިއެވެ. ކިރިޔާ ކަމެއް ދިމާވިޔަސް ވިޝާމްގެ ލަފަޔާއި އިރުޝާދު ހޯދުމަކީ އިޔާންގެ އާދައަކަށް ވީނަމަވެސް، މިފަހަރު ކަންތައްތައް މިސްރާބު ޖަހާފައިވާ ގޮތުން ވިޝާމްގެ އެހީތެރިކަން ހޯދޭކަށް ނެތެވެ. އިޔާން ބެލީ ދެން އޭނާގެ އެންމެ ގިނަ ސިއްރު އެނގޭ ފަރާތާއި އެހުރިހާ ވާހަކައެއް ހިއްސާކުރެވޭތޯއެވެ. ނާޔާ ގާތު އަމީރާގެ ހާލަތު، އަމީރާ ކިޔައިދީފައިވާ ގޮތައް އުނި އިތުރެއް ނުގެނެސް އިޔާން ކިޔައިދިނެވެ. ހޫގޯއާއި ޖިނާންގެ ވާހަކަ އަދި އަމީރާއާއި އިޔާން ބައްދަލްވި ގޮތްވެސްމެއެވެ. މާލެއައިފަހުން ކަންތައް ވެގެން ދިޔަގޮތެވެ. އަމީރާގެ އަސްލު އާއިލާ ދެނެގަތުމަށް އޭނާ ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަމީރާއާއި މެދު އިޔާން ހިތުގައި މިހާރު އުފެދިފައިވާ ޝައްކުތަކާއި އޭނާއަށް ހޯދިފައިވާ މައުލޫމާތު ވެސްމެއެވެ. އެހުރިޙާ ކަމެއް ކިޔައިދި ނިމުނު އިރު ސިކުނޑިން ހީވީ ބުރަދަން ހުރި ބަރެއް ނެގުނު ހެންނެވެ.
އިޔާން އިސްއުފުލާ ބަލައިލިއިރު، ނާޔާ އިނީ ބަސްހުއްޓިފައެވެ. އޭނާގެ ބޮޑު ދެލޮލުން ފެންނަމުންދިޔައީ ކުއްލި ސިހުމާއި، ގަބޫލުކުރަން ދަތިވުމުގެ އަސަރުތަކެވެ.
“ވަޓް؟” ނާޔާގެ ދުލުން ބޭރުވީ އެންމެ ބަހެކެވެ. އޭނާ ހުރީ އިޔާންގެ މޫނަށް ބަލަހައްޓައިގެން، އިވުނު ވާހަކަތައް ސިކުނޑިއަށް ނަގައިގަންނަން ވެސް ނޭނގިފައެވެ.
“އުނދަގޫ ދޯ ގަބޫލްކުރަން.. އިޓްސް އަ ލޮޓް، ޓް ހޭންޑްލް އެލޯން.. ވިޝާމްއަށް ކިޔައިދެވޭކަށް ވެސް ނެތް.. ދޮންތައަށް ނޭނގޭ އެއްވެސް ކަމެއް މިހާރު ނޯންނާނެ” އިޔާންގެ ބުނެލިއެވެ. ނާޔާއަށް ބޯޖަހާލެވުނެވެ. އިރުކޮޅަކު އިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
“އައި ވިލް ހެލްޕް ޔޫ.. އަސްލުމާ ލަސް އިޔާ ތި ވާހަކަ ދެއްކިލެއް.. އެމީ އަކީ އަމާޔާ ކަމަށް ވެއްޖޖެއްޔާ، ކިހިނެތް އެފަދަ ނުބައި އަނިޔާ ވެރި މީހެއްގެ އަތް ދޮށައް ދާން ވީ؟ އެވެސް މި ބިމާއި އެތައް މޭލު ދުރެއް.. އޭޝިޔާއެއް ވެސް ނޫން.. ތިކިޔަނީ ޔޫރަޕްގެ ގައުމެއްގެ ވާހަކަ..އޯހް ގޯޑް!” ބޮލުގައި ރިއްސައިގަނެފައި އިނދެ ނާޔާއަށް ދެފަރާތައް ބޯހޫރުވާލެވުނެވެ.
“ޔާހް ވަކި ގޮތަކަށް ވިސްނަން ވެސް ނޭނގިފަ މިހުރިހާ ދުވަހު މިހުރެވުނީ.. ދޮންތަ ތި އުފެއްދި ސުވާލް، މަ ހިތުގަ ވެސް އޮތީ.. ކިހިނެތް ބާއޭ އެމީ ދިޔައީ އެމީހުންގެ އަތް ދޮށައް”
” ޔުމާންގެ މަންމައާއި ބައްޕަ، އަމާޔާއާއި މެދު ވިސްނާ ހިތާމަ ނުކުރާ އެންމެ ދުވަހެއް ވެސް ނުދޭ.. ދޭތެރެއަކުން މަންމަ ރޯން ވެސް އިންނާނެ.. އެމީގެ ބާތްޑޭ ޕާޓީގަ ވެސް މަންމަ އެހާ ރުއި-‘
“އޭތް ވެއިޓް! މަ ހަނދާން ނެތިފަ މިހުންނަނީ… އަމާޔާ އެންޑް އަމީރާ، ސޭމް ބާތް ޑޭ..” ކުއްލިއަކަށް ހަނދާން ވެގެން، ނާޔާގެ ވާހަކަ މެދުކަނޑާލަމުން އިޔާން ބުނެލިއެވެ. އެއާއެކު އަނެއްކާ ވެސް ނާޔާ ބަލައިލީ ސިހުމަކާއި އެކުގައެވެ.
“މާދަމާ ހަބަރެއް ވެލާނަން އިނގޭ އިޔާ.. ހީވަނީ ޔޫވީ ހޭލައިގެން ބޮޑާ ވީހެން.. އެއްވެސް މީހެއްގެ ކައިރީގަ މަތަނުވޭ މިހާރު ދަންވަރަށް ޙޭލައިފިއްޔާ” ހުއްޓުމެއް ނެތި ޔުމާން ގުޅާތަން ފެނިގެން ނާޔާ ފޯނު ދައްކާލިއެވެ. އިޔާން ވެސް ބޯޖަހައިލަމުން އިންތަނުން ތެދުވިއެވެ.
***
އިރުގެ ދޯދިތައް ދުނިޔެމައްޗަށް އަތްގަދަ ކުރަން ފެށީ ޓެރެހުގައި އިރަމް އިންދައެވެ. އެއްވާމަކަށް މަޑުމަޑުން އުނދޯލި ހެއްލަމުން ދިޔައިރު އިނދެވުނީ ފުން ވިސްނުމެއްގައިއެވެ. އެސްފިޔަތަކާއި ކޯތާފަތްމަތީގައި ތެތްކަން ވީ އިރު ދާދި ދެންމެ އަކުވެސް ރޮއެފައި ހުރިކަން ހެކިދެއެވެ. މުޅި ރޭ ހޭލާ ހުރެ ރުއިމުގެ ސަބަބުން، އިރަމްގެ މޫނުމަތިން ފެންނަނީ މިލާމޯޅިކަމާއި ފޮއްސިކަމެވެ. އަމީރާއަށް ފެނިއްޖެއްޔާ ސުވާލްތައް އަމާޒުވެގެން ދާނެކަން އެނގޭތީ އިރަމް އެނދުން ތެދުވީ ވެސް އަމީރާ ބަދިގެއަށް ވަތް ވަގުތު ބަލާފައެވެ.
ސަދަފްއަށް ކޮށްފައިވާ އެތައް މެސެޖްތަކެއް ބެލުމަށްފަހު، އޭނާގެ ނަމްބަރު ބްލޮކް ކޮށްފައި އިންތަން ފެނިގެން ހިތައް ކެތް ނުވާ މިންވަރަށް ދިޔައީ އުނދަގޫ ވަމުންނެވެ. އެ ސޫރަ ދެކިލަން ބޭނުން ވިޔަސް އެކަން ކުރާނީ ކިހިނެތް ހެއްޔެވެ. އެދުވަހު ‘މާއިން އާއެކު ގެއަށް ނާދެވުނު ނަމައޭ’ އެތައް ފަހަރަކު މިހާރު ހިތައް އަރައިފިއެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ.
***
“ކޮބާ އިރޫ؟” ސައި ހެދުމަށްފަހު ބަދިގެ ތެރެ ހަމައަކަށް އަޅުވާލުމުގައި އުޅެނިކޮން މަޖުދާ އައިސް ވަތްތަނާ އަމީޜާ އަހާލިއެވެ.
“މިއަދުން ފެށިގެން ސެމިސްޓާރ ބްރޭކްގަ އެހުރީ.. އިއްޔެ ކީ ދުވަން ދާ ވާހަކަ .. ހީވަނީ ދުވަންހެން ދިޔައީ.. ބޫޓް ވެސް ނެތް” މަޖުދާގެ ވާހަކައަށް އަމީރާ ބޯޖަހައިލިއެވެ.
“ދަރިފުޅު ނިންމާލީތަ ތި… ހިނގާ ސައިބޯން”
މަޖުދާ ދޮރުން ބޭރަށް ނުކުމެ ، ދެފަރާތައް ބަލާލަމުން އެނބުރި އައިސްފިއެވެ. ” ކޮބާ ކޭކަށް އޯޑާރ ދީފިންތަ؟” ނިކަން ސިއްރުން މަޖުދާ އަހާލިއެވެ. އެބުނީ ކީކޭކަން އެނގުމުން ހެވިފައި ހުރެ އަމީޜާ މަޑުމަޑުން ބޯޖަހައިލިއެވެ. އިރަމްގެ އުފަން ދުވަސް ކަމުން އެމީހުން ތައްޔާރު ވަމުން ދިޔައީ މިރޭ ކުޑަ ކަމެއް ރޭވުމަށެވެ. ގޭގައި މަޖުދާ ކޭކް އަޅަން އުޅެފައި ވެސް، ބަންދުވުމުން އިރަމް ގޭގައި އުޅޭތީ ނޭނގި ކުރެވޭނެ ގޮތެއް ނެތެވެ. އެންމެ ފަހުން އަމީރާ ކޭކަކަށް އޯޑަރުކުރީއެވެ.
“އެމީހުން ބުނި ހަވީރަށް ނިންމާލަ ދޭނަމޭ.. މިއަދު ޑިއުޓީ ނިންމާލަން ބުނެލިން ތަންކޮޅެއް އަވަހަށް.. އެގަޑީގަ އަންނަމުން ގެންނަ ގޮތައް އޯކޭ ވާނެ ދޯ.. ދެން އައިސް އިރޫ ގޮވައިގެން ބޭރަށް ނުކުންނަން ވެގެން މިކިޔަނީ.. މީރާން ބުނި އެގަޑީގަ އެމީހުން ރެޑީ ކޮށްލާނަމޯ ޓެރެސް” އަމީރާ ކިޔައިދިނެވެ. އެގޮތް ކަމުދިޔުމުން މަޖުދާގެ ހިނިތުންވުން ފުޅާވިއެވެ.
”ވަރަށް ސަޅި ވާނެ އެހެން ވެއްޖެއްޔާ.. ބޭބެ ކައިރީގަ ބުނިން މިއަދު އެހާ ގިނައިން އިރޫއާއި ޥާހަކަ ނުދައްކާށޭ.. ނަދީމް ބައިވެރިކޮށްގެން ކަމެއް ނުވަނީ، ކޮންމެވެސް އެއް ހިސާބަކުން އޭނާގެ ދޫ ހަލުވިކަމުން އޮންނަނީ އެ ސަޕްރައިޒެއް ފަޅާ އަރާފަ.. ނުބުނާށޭ ބުންޏަސް އަނގަ ހިރުވާ ވަރުން ބުނެވޭނީ އޭނައަށް.. ހަހަހް…ދަރިފުޅާ، ދޭބަ އިޔާ ކައިރީގަ ބުނަން ސައިބޯން އަންނަން” މަޖުދާގެ ވާހަކަތަކުން ހިނިއައިސްފައި ހުއްޓަސް ބާރަށް ހޭކަށް ނުކެރުނެވެ. ދޮރުމަޓީގައި ނަދީމް އެވަގުތު ހުރިކަމެއް ނޭނގި މަޖުދާ ވާހަކަ ދައްކަމުން ދިޔަ ގޮތުން ހިނި ނާންނަވަރެއް ވެސް ނޫނެވެ.
“ސާބަހޭ މަޖުދާ.. މަ ހަމަ ލޯމަތިން ނުގެއްލިފަ ދޯ ހުންނަނީ.. ހޫންން، ކޮންމެ ގޮތެއް ވިޔަސް އަންހެން ވެރިންނަށް ވުރެން ފިރިހެން ވެރިން މާ މޮޅުވާނެ ސިއްރު ހިފަހައްޓަން..” ނަދީމް ކުއްލިއަކަށް ވާހަކަ ދައްކަން ފެށުމުން މަޖުދާއަށް ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެވުނެވެ. އެ މަންޒަރު ނުހޭން މަސައްކަތް ކުރަމުން ދަނިކޮން ވެސް އަމީރާއަށް ހެވިއްޖެއެވެ. އަނގަމަތީގައި އަތްއަޅާއިގެން ހުރެ އެތަނުން ނުކުތް އިރުވެސް ދެމީހުންގެ ކޯޅުގެ އަޑު އިވެމުން ދިޔައެވެ.
އިޔާން ހޯދުމަށް ދިއުމުގެ ކުރިން، އަމީރާ ފުރަތަމަ ދިޔައީ ކޮޓަރީގެ ތެރޭގައި ހުރި ފޮށިގަނޑެއް ނެރޭށޭވެ. އެއީ އެބަޔަށް ކޮންމެހެން ވެސް ގެންދަން ޖެހޭ އެއްޗެއް ކަމުން އެކަން އެވަގުތު ކުރަން ބޭނުންވިއެވެ. ފޮށިގަނޑު ހިއްލާލި ހިނދު އޭގެ ބުރަދަން އިޙްސާސް ވެއްޖެއެވެ. ބަރުކަމުން ހިފަހައްޓާލަން ވެސް އުނދަގުލެވެ. ނަސީބަކުން،އެބައިގެ ދޮރު ހުޅުވާފައި ހުރުމުން ވަނެވެ. އެ އަރި އަޅާލަފާނެތީ އެކަމުގެ ބިރަށް ތިރީގައި ބަހައްޓާލަމުން، އިޔާންއަށް ގޮވަން ފެށިއެވެ.
“އިޔާ.. އިޔާ.. ރީއްކޯ؟” ދެމީހުން ކުރެން އެކަކުގެ އަޑެއް ވެސް ނީވުނެވެ. އެންމެ ފަހުން އަމީރާ ކޮޓަރިއަށް ވަތް އިރު ފެނުނު މަންޒަރުން ތުންފަތައް ވެރިވީ ރީތި ހިނިތުންވުމެކެވެ. ރީއާގެ ގައިގާ ބައްދާލައިގެން އިޔާން އޮތް އިރު ދެމީހުންނަށް ވެސް އޮތީ ނިދީގެ ފުން ކަނޑެއްގައި ޣަރަގުވެފައެވެ. މަޑުމަޑުން ދޮރު ލެއްޕުމަށް ފަހު އިނގިލިތަކުގެ ކުރި ކިރިޔާ ޖައްސަމުން ގޮސް ހުއްޓިލީ އެނދާއި މަގަތުގައެވެ.
މަގަތުގައި އޮތީ ރީއާއެވެ. އަމީރާ އިށީންދެލީ ހުސްކޮން އޮތް ހަނި ޖާގައިގައެވެ. އެ މަންޒަރުން ހިތައް ހަމަޖެހުން ލިބެމުން ދިޔަ ވަރުން ކަޅިވެސް ދުރުކޮށްލާ ހިތްނުވިއެވެ. ލޯބިން ހިތް ބަންޑުންވިއެވެ. މަޑުމަޑުން ރީޔާގެ ކޮލުގައި ފިރުމާލިއެވެ. އަމީރާ ގެ އިޙްސާސް ވީ ކަންނޭގެއެވެ. ދެފަހަރަކު އެސްފިޔަ ތަޅުވާލުމަށްފަހު ރީއާ ލޯ ހުޅުވާލިއެވެ. އެހާ މަޑުން އަތްލުމުން ވެސް ރީއާއަށް އެނގުމުން، އަމީރާއަށް ލޯ ބޮޑުކޮށްލެވުނެވެ.
“ސޮރީ ބޭބީ.. ހޭލައްވާލެވުނީ ދޯ”
“މަންމީ” އަމީރާގެ މޫނު ފެނުނު ހިނދު ރީއާގެ ނިދިކޮޅު ވެސް ފިލައިފިއެވެ.
” ކަމް ކަމް.. ބައްޕިއަށް ހޭލެވިދާނެ” ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލައިގެން ހުރެ، މަޑުމަޑުން ވާހަކަ ދެއްކިއެވެ. ރީއާގެ ކުޑަކުޑަ އަތްތިލައިގައި ހިފާލައި، މަޑުމަޑުން އެނދުން ތިރިކުރިއެވެ. ނިދިން ހޭލި ވަގުތު ކަމަށްވުމުން، އެ ފަން އިސްތަށިކޮޅު ވަނީ ތަރުތީބެއްނެތި ހޭވިފައެވެ. ހީލައިގެން އިންއިރު، ލޯބި ބުދެއް ފަދައެވެ. ރީއާ ލައްވާނެ ހެދުމެއް ހިފައިގެން އަމީރާ ނުކުތެވެ.
“މައި ލިލް ބާބީ ޑޯލް، ގުޑް މޯނިންގް” އަމީރާ ޅައަޑެއް ނެރެލަމުން ރީއާއާއި ވާހަކަ ދައްކަން ފެށިއެވެ. އޭރު ހިނިގަނޑެއް ޖަހާލާފައި އަމީރާގެ ކަރުގައި ރީއާ ބާރަކަށް އޮޅިގަތެވެ. އިޔާން ނިދާފައި އޮތުމުން ، ހޭލެވިދަނެތީ އަމީރާ ވަނީ ރީއާއަށް ހާއްސަ ކުރެވިފައި ހުންނަ ކޮޓަރިއަށެވެ. ފެންވަރުވައި ރީތިކޮށްގެން ނެރުނު އިރުވެސް އިޔާން ނުހޭލައެވެ. އަދި ގަޑީގައި ވަގުތު އޮތުމުން އަމީރާ ވެސް ގޮވަން ނޫޅެ، ރީއާ އާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށް ޖައްސާލީ ސޯފާގައެވެ. ދެ އަންހެން ކުދިން ސަކަރާތް ޖަހަން ފެށި އިރު ލިވިންގް ރޫމުގައި ވަނީ އުފާވެރި ހީލުންތަކުގެ އަޑު ހަރުލާފައެވެ.
****
“އޯކޭ.. އެބަ ބަލަން” އޮފީސް މޭޒު ދޮށުގައި އިށީންދެއިން އިރު ސަދަފްގެ ކަންފަތުގައި ފޯނު އިނެވެ. އެ މޫނަށް ވެރިވަމުން ދިޔަ ޝުއޫރުތަކުން އެއީ މުހިއްމު ކޯލެއްކަން ދެނެގަނެވެއެވެ.
” މިފަހަރު އުއްމީދުކުރަން ހަރުދަނާ ފިޔަވަޅެއް އަޅާނެ ކަމަށް.. މާއިންގެ މި އަމަލުތަކުގެ ސަބަބުން ކުންފުނީގެ އަބުރަށް ލިބެމުންދާ ހުތުރުނަން މުޅި ރާއްޖެއަށް ފެތުރި، ކަންތައްތައް އަތްނުފޯރާ ފަށަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް. އޭނާގެ އުޅުން ހުރިގޮތުން މަދުން ނަމަވެސް ނޫސްތަކުގެ ސުރުޚީތަކަށް ހައިކަލް ސާރގެ ނަން އަރަމުން އެދަނީ ނުހަނު ހިތާމަވެރި ގޮތަކަށް…އަދި ނުހަނު ބޮޑަށް ސޯޝަލް މީޑީއާގައި ވެސް ފާޑުކިއުން އެބަ އަމާޒުވޭ” ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކީ ބުލޫމޫން ރިސޯޓުގެ އިތުބާރުހުރި މުވައްޒަފު ނާސިފެވެ.
މީގެ ކުރިން ރިސޯޓުގައި އެކުވެރިންނާއެކު މަސްތުގެ ދުނިޔެއަކަށް ގެނބިފައި އޮތް މާއިންގެ ޚަބަރު ދިނުމުން، ނާސިފަށް ކުރިމަތިލާންޖެހުނީ ހިތި ތަޖުރިބާއަކާއެވެ. އޭނާއަށް ދެވުނު ނުހައްގު ސަސްޕެންޝަނާ ގުޅިގެން ވަޒީފާއިން ވަކިވާން ނިންމި ނަމަވެސް، ޔުމާންއާއި ސަދަފް، އޭނާގެ ކިބައިން މާފަށް އެދި، ވަޒީފާގެ ކުރިއެރުމާއި ގެއްލުމުގެ ބަދަލު ދިނުމުން ނާސިފް ހުރީ މަޑުޖެހިފައެވެ. އެ ދުވަހުން ފެށިގެން މާއިންގެ ހަރަކާތްތައް ފާރަވެރިކަމާއެކު ބެލުމަށް ސަދަފް އޮތީ ނާސިފާއި ހަވާލުކޮށްފައެވެ. ހައިކަލްގެ އެ ނޫން އިތުރު ރިސޯޓަކަށް މާއިން ނުދެއެވެ.
މިއަދަކީވެސް އެފަދަ ބަނަ ދުވަހެކެވެ. އިއްޔެ މާއިން ރިސޯޓަށް ދިޔަ ޚަބަރާއެކު ސަދަފްގެ ހިތުގައި އުފެދުނު ނުތަނަވަސްކަން މިހާރު މިވަނީ ހަގީގަތަކަށް ވެފައެވެ.
“މިހާރުން ފެށިގެން އެކަމާ މި އުޅެނީ.. ހުރިހާ އަޕްޑޭޓެއް މަ ބޭނުންވާނެ” ނާސިފްގެ ވާހަކައަށް ބާރުދެމުން ސަދަފް ފޯނު ކަނޑާލިއެވެ. ނާސިފް އެއްބަސް ވުމުން، ފޯނު އަތްގަނޑު މޭޒުމައްޗަށް ހޫރާލަމުން، ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލީ ސިކުނޑީގައި އުފެދިފައިވާ ގަދަ ތޫފާނުގެ ސަބަބުން ވަރުބަލިވެފައިވާ ހާލުގައެވެ. އެއް ހާދިސާއަށްފަހު އަނެއް ހާދިސާއެވެ. މި ހުރިހާ ކަމެއްގެ މުގުލުގައި ހުރީ އެ ސުންޕާ މާއިންއެވެ. ހިތަށް އެރި ޝުއޫރުތަކާއެކު، ނޭނގި ހުރެ މޭޒުމަތީގައި ބާރަށް އަތުން ޖަހާލެވުނެވެ.
އެރުޅިވެރިކަން ގަދަ ވަމުން ދިޔަނަމަވެސް މި ދަނޑިވަޅުގައި ކެތްތެރިވާން ވެސް މަޖުބޫރެވެ. ކޮންމެ ގޮތެއް ވެގެން ދިޔަ ނަމަވެސް މާއިންގެ ސަބަބުން ހައިކަލްގެ ނަން ކިލަނބުވެގެން ދާތަން ދެކޭކަށް އޭނާ ނުހުންނާނެއެވެ. ދެތިން ފުން ނޭވާދޫކޮށްލަމުން ސަދަފް ހަމަޖެހިލިއެވެ. އަލުން ފޯނު ނެގުމަށްފަހު ގުޅާލީ ޔުމާންއަށެވެ.
ގިނައިރު ތަކެއް ނުވެ، ދޮރުގައި ޓަކި ޖަހާލިއެވެ.
“ވަދޭ” އައިސް ހުރީ ޔުމާންކަން އެނގުމުން ސަދަފް ތެދުވިއެވެ. ފޯނު ނަގާފައި ނާސިފް ފޮނުވާފައި ފޮޓޯތަކާއި އިތުރު ހެކިތައް ޔުމާންއަށް ފޮނުވާލިއެވެ.
“ކިހިނެތް ވީ؟”
“ފޯނު ބަލާބަލަ” ސަދަފްގެ ޖަވާބު ކުރެވެ. ޔުމާން އައިސް އިށީންދެލީ މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައެވެ. ފޯނު ހުޅުވާލަމުން ސަދަފް ފޮނުވި ސާމާނުތައް ބަލަންފެށިއެވެ. ފުރަތަމަ ވެސް ފެންނަން އިން ފޮޓޯ ގަނޑުން އެކަނިވެސް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، ނިތަށް ރޫތައް ޖަމާވިއެވެ. އެއަށްފަހު ޖެހިގެން ހުރި ފޮޓޯތަކާއި ފައިލްތައް ވެސް އޭނާ ބަލަމުންދިޔައެވެ. އެހެން ފޮޓޯތަކާއި ލިޔުންތައް ބަލަމުން ދިޔަވަރަކަށް، ޔުމާންގެ ދެލޮލުން ފާޅުވަމުންދިޔައީ އިންތިހާ ދަރަޖައިގެ ރުޅިއެކެވެ. ޔުމާން ދިޔައީ ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރަމުންނެވެ.
“އޭނާ ނުހުއްޓާ.. ތިއީ ހުސް އޭނަ ރާ ބޯން ދާ ދުވަސްތަކުގަ ނަގާފަ ހުންނަ ފޮޓޯ..ދެން ތި ހުރި ފައިލްތަކަކީ ރާ ބޯން ވެގެން ރިސޯޓުގެ ބާރއަށް ގޮސް އޭނާ ދައްކާފައިވާ ބޮޑެތި ބިލްތައް.. އެންމެ ދުވަހެއްގެ ކަމެއްނޫން މިއީ.. ބޭންކް އެކައުންޓްތައް ބައްޕަ ފްރީޒް ކުރި ފަހުން، އޭނަ އުޅެނީ އެހެން ސިއްރު އެކައުންޓެއް ހުޅުވައިގެން.. މި ސްލިޕްތަކުގަ މިވަނީ އޭނަ މިޙާރު ބޭނުންކުރާ އެކައުންޓްގެ ނަމްބަރު” ނާސިފްގެ ފުށުން ލިބުނު މައުލޫމާތައް ބުރަވެ ސަދަފް ކިޔައިދިނެވެ. ޔުމާންއަށް ރުޅި ކޮންޓްރޯލު ކުރުންވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ސަދަފްގެ ދެލޮލުން ތެތްކަން ފެނިގެން ދިޔަ ހިނދު އެ ރުޅި މަޑުވާ އަތައް އަޅާއިފިއެވެ. މާއިންގެ ސަބަބުން އެންމެ ބޮޑު ކެއްސެއް ލިބޭނީ ޔަގީނުން ވެސް ސަދަފްއަށެވެ.
“އެދުވަހު މާއިންގެ ބަދަލްގައި ފުލުހާއި ހަވާލްވެ އޭނައަށްޓަކައި މަށައް ވެވުނީ ބޭކާރް ގުރުބާނީއެއް.. ނޫންތަ؟ ގާތް އެތައް ބައެއްގެ ނުރުހުން އަމާޒުވެ-” އެހިސާބަށް ބުނެވުނު އިރު ސަދަފްގެ އަޑު ކުރެހިއްޖެއެވެ. ޔުމާންއަށް ތުންފަތުގައި ދައިގަނެވުނެވެ. ސަދަފްއަށް ހިތްވަރު ދިނުމުގެ ގޮތުން ވެސް ބުނާނެ ބަހެއް އޭނާއަކަށް ނޭނގުނެވެ. ނަމަވެސް އެކަންތައް މިފަހަރު ދޫކޮށްލާކަށް އޭނާގެ ހިތަކު ނެތެވެ. އެހެންނަމަވެސް، މިފަހަރު ސަދަފް އެފަދަ އަނދަވަޅަކަށް އަލުން ވެއްޓުނަކަ އޭނާ ނުދޭނެއެވެ.
“އައިލް ޓޭކް ޕްރޮޕަރ ރިވެންޖް ފްރޮމް ހިމް..” ޔުމާންގެ ޖުމްލަ ނުކުތީ ހިތުގެ އަޑިންނެވެ. ނަމަވެސް ސަދަފް ގެ ނަޒަރުގައި ވަނި ނިމުމެތް ނެތް މާޔޫސް ކަމެވެ. ސަދަފްގެ ކޮނޑުގައި ޖަހާލަމުން، ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ޔުމާން އެތަނުން ނުކުތެވެ.
އަލުން ގޮނޑީގެ ތެރެއަށް ޖެހިގަނެވުނު އިރު، މޭޒުގައި ބޯ އަޅާލެވުނެވެ. ސިފަވެގެން ދިޔައީ މީގެ ހައެއްކަ އަހަރު ކުރީގެ ހަނދާންތަކެވެ.
…………….
އޭރު ވިޝާމްއާއި އިޔާންއާއި އެކު އެމީހުންގެ ހިޔަނި ފަދައިން މާއިންއާއި ސަދަފް އުޅުނެވެ. އެއީ އެކަކު އަނެކަކާ ވަކިނުވާނޭ ފަދަ ގާތް އެކުވެރިކަމެއް އޮތް ގުޅުމެކެވެ. ދާ ކޮންމެ ތަނަކަށް ވެސް ދަނީ އެކުގައެވެ. ނަމަވެސް، އޯލެވެލްގެ އިމްތިހާނަށްފަހު، ތައުލީމީ ހަޔާތުގެ އައު ސަފުހާއެއް އުފަންކުރުމަށް ސަދަފް މިސްރާބު ޖެހީ އޮސްޓްރޭލިއާއަށެވެ. ހައިކަލްގެ ތަނަވަސްކަމުން ބޭނުން ފެންވަރަކަށް އުޅުމުގެ ގާބިލްކަން ލިބިފައި ވީ ނަމަވެސް، ބީރައްޓެހި ގައުމެއްގައި ވަކިން ސަދަފް ދިރިއުޅޭކަށް އާމިލާ އެއްގޮތަކަށް ވެސް ގަބޫލެއް ނުވިއެވެ. އެއީ ނާޔާއާއި ޔުމާންގެ ކައިވެނި ވެސް ކުރެވުނު ދުވަސްކޮޅެވެ.
އިޔާންގެ އާއިލާއާއި އޮތް ވަރުގަދަ ގުޅުމުގެ ސަބަބުން، އެންމެ ފަހުން ސަދަފް ހުރުމަށް ހަމަޖެހުނީ އޮސްޓްރޭލިއާގައި ހުންނަ މަޖުދާގެ އާއިލާގެ ގާތުގައެވެ. މަޖުދާގެ މުޅި އާއިލާ އެގައުމުގައި ވަޒަންވެރިވެފައި ވީތީ ، މަޖުދާ ވެސް ދިޔައީ އެތަނުން ގެއެއްގައި ހުރުމަށް ނުހަނު ބާރު ފޯރުވަމުންނެވެ. އަނެއްކޮޅުން ނާޔާއާއި ޔުމާން ވެސް މެއެވެ. އެންމެ ފަހުން ވީވެސް އެހެންނެވެ. އިޔާންއާއި ދެބެންގެ ދެދަރިން ހުރިހާ ކުދިންނާއި ހެން ސަދަފްއާއި ގާތްގުޅުމެއް އުފެދުނެވެ.
އޮސްޓްރޭލިއާގައި ހޭދަކުރި ދުވަސްތަކުގައި، އިޔާންގެ ދެބެންގެ ދެދަރި ކުދިންނާއި ވެސް ސަދަފްގެ ގުޅުން ބަދަހިވެގެން ދިޔައެވެ. ހާއްސަކޮށް އޭގެ ތެރެއިން ދެކުއްޖަކު ސަދަފްގެ އެންމެ ގާތް އެކުވެރިންގެ މަގާމު ހޯދިއެވެ. މި ގާތްކަމުގެ ސަބަބުން، ހާސް މޭލު ދުރުގައި ހުރި ނަމަވެސް، އިޔާންއާއެކު އޮތް ގުޅުމަކަށް ހީނަރުކަމެއް ނާދެއެވެ. އެ ތިން ޒުވާނުން އެކުވެގެން އިޔާންއަށް ވީޑިއޯ ކޯލްކޮށް، ސަކަރާތެއް ނުގަންނަ އެންމެ ދުވަހެއް ވެސް ނުދެއެވެ. ނަމަވެސް، ދުނިޔޭގެ އޮއިވަރު ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާ ފަދަ ހިތްދަތި ގޮތަކަށެވެ.
އޮސްޓްރޭލިއާގައި ހުރެ ޑިގްރީ ނިމިގެން ރާއްޖެއައީ އިޔާންގެ ކައިވެނި ރޭވިގެން ދިޔުމުން އެކަމަށެވެ. އެއީ ކިހިނެތް ކުރެވޭ ކައިވެންޏެއްކަން އެނގޭތީ އެއްވެސް ވަރަކަށް ސދަފްގެ ހިތުގައި އުފާވެރިކަމެއް ނެތެވެ. އިޔާންއާއި މެދު އޮތީ ހަމްދަރްދީއެވެ. އައުމުގެ މާ ކުރިންވެސް ވިޝާމްގެ ފަރާތުން ވަނި އިޔާންއާއި ކައިވެނި ހަމަޖެހުނު އަންހެންކުއްޖާގެ ޥާހަކަ އަހާފައެވެ. ޑްރަގް ނަގާ ވާހަކަ އޮތީ މާކުރިން ވެސް އިވިފައެވެ. ނަމަވެސް އެކަން އޭރު އޮތީ އިޔާންގެ އެންމެ ގާތް އެކުވެރިންގެ މެދުގައެވެ.
އެތަނުގައި އުޅޭ އިޔާންގެ މުޅި އާއިލާ ވެސް އެ ކައިވެންޏަށް އައެވެ. ކައިވެނީގެ ކަންތައް ނިމިގެން އެނބުރި އެމީހުން ދިޔައިރު، ސަދަފް މަޑުކޮށްލީ މާސްޓާސް ފެށުމަށް ތިން މަސްދުވަސް ބާކީ އޮތުމުންނެވެ.
ފަހަކަށް އައިސް މާއިންގެ އުޅުމަށް ނޭދެވޭ ބަދަލްތަކެއް އަންނަމުން ދިޔަ ހަބަރު ސަދަފް އެހީ އެކޮޅުގައި ހުއްޓައެވެ. އޭނާއާއި އޮތް ގުޅުން ވެސް ހީނަރުވެފައިވި އިރު ސަދަފް ފުރަތަމަ ހީކޮށްގެން ހުރީ މާއިން ކިޔެވުމުގައި ބުރަ ދުވަސްތަކެއްގައި އުޅެން ޖެހުމުން ވަގުތު ނުވަނީ ކަމުގައެވެ. ނަމަވެސް، ގިނަ ވަގުތު މަގުމަތިގައި އުޅޭ ހަބާރައި، ކިޔަވަންދާންފެށި ކޮލެޖުން ކެނޑުނު ހަބަރު ލިބުނީ އެކުއެކީގައެވެ. އިޔާންގެ ކައިވެންޏަށް ފަހު މާއިންއަށް ވިސްނާ ދިނުމުގެ އަޒުމުގައި ސަދަފް މަޑުކޮށްލައިގެން ހުއްޓެވެ. ނަމަވެސް އެކަން އެހެންނެއް ނުވިއެވެ. މާއިންގެ އުޅުން އިސްލާހު ކުރުމަށް މާ ބޮޑު ކަމެއް ނުކުރެވި އުޅެނިކޮން އިޔާންގެ ހަޔާތައް އައީ ވަރުގަދަ ކޮޅިގަނޑެކެވެ.
ކައިވެންޏަށް މަހެއް ނުވެ ޔަނާލްގެ ހަގީގަތް، އާއިލާގެ ބާކީ ތިބި އެންމެންނަށް އެނގެމުން ދިޔައެވެ. އިޔާން ދިޔައީ އެކަންކަން އޭނާއާއި ވިޝާމްއާއިވެސް ހިއްސާކުރަމުންނެވެ. ފަހަކަށް އައިސް މާއިން އުޅެމުން ދިޔައި ތިންމީހުންނާއި ވަކިންނެވެ. އެއްވެސް ވަރަކަށް ނާދެއެވެ. ގުޅީމަ ފޯނު ނުނަގާތާ، ފެނުނަސް އަނގައިން ނުބުނެއެވެ. މާއިންއަށް އައި ބަދަލް ދެނެގަނެވެން ފެށީ އިޔާންގެ ކައިވެންޏަށް ދެ މަސްވާން އުޅެނިކޮންނެވެ.
ތިންމީހުން އެކުގައި އުޅެފައި އެރޭ ސަދަފް ގެއަށް އައީ ހިސާބަކަށް ބޮލުގައި ރިއްސާތިއެވެ. އަވަހަށް ނިދާލަން ބޭނުންވީއެވެ. ގެއަށް އައި އިރު ބަގީޗާގެ ބިއްދޮށުން ބަޔަކު ވާހަކަ ދައްކާ އަޑު އިވުމުން ފުރަތަމަ ސަދަފް ހީކޮށްގެން ހުރީ ކުރެވުނު ކުށްހީއެއް ކަމުގައެވެ. ނަމަވެސް ދެވަނަ ފަހަރަށް އެބަޔަކު ޖަހާލި ހިނިގަނޑު އިވި ހުއްޓެން މަޖުބޫރުވިއެވެ. އަތުކުރީގައިވި ގަޑިއެއް ނަޒަރެއް ދިން އިރު އެކެއް ޖެހުމާއި ހުރީ ގާތްވެފައެވެ. ޔަގީނުން ވެސް އެގަޑިއަކި އާމިލާ ނޫނީ ހައިކަލް ވެސް ނުކުންނާނެ ގަޑިއެއް ނޫނެވެ. ޔުމާންއާއި ނާޔާ ވެސް ބާރައިގެ ކުރިން އާންމުކޮން ގެއަށް ވަންނާނެއެވެ. ފުރަތަމަ ސަދަފް ހީކުރީ ނާޔާއާއި ޔުމާން ކަމުގައެވެ.
ބަގީޗާއަށް ވެސް ފަހަރެއްގައި ނުކުތުން އެކަށީގެންވާތީ އެމީހުންނާއި ދިމާކޮށްލުމުގެ ނިޔަތުގައި، ލާނެތް ހިނިތުން ވުމެއްގައި ހުރެ ސަދަފް ދިޔައެވެ. އެންމެ އަނދިރި ގަނޑުގެ ތެރެއިން އޭނާއަށް ފެނުނު ދެ ސޫރައިން މުޅިން ހުއްޓުން އެރިއެވެ. ފެނުނީ ނާޔާއާއި ޔުމާންއެއް ނޫނެވެ.
ގައިގޯޅިކަން މަތީގައި މާއިންއާއި އެކު އެހުރީ އިޔާންގެ އަންހެނުން ޔަނާލްއެވެ. ސަދަފްގެ ބޮލަށް އަރައިގެން ދިޔަ އެނބުރުން ފިލަން އިރުކޮޅެއްނެގިއެވެ. ޔަގީން ކުރަން އިތުރަށް ބޭނުންވީ ވަރުން ފޯނުން ޒޫމްކޮށްލަމުން ފޮޓޯއެއް ނެގީ އެ ސިހުމުގައި ހުރެއެވެ. ކިތަންމެ ވަރަކަށް އެ ފޮޓޯއާއި ކުރިމަތީގައި ނިއުޅެމުން ދިޔަ ތަމްސީލަށް ބެލި ނަމަވެސް، އެއިން އެއްވެސް މަންޒަރު ބަދަލެއް ނުވިއެވެ. އެންމެ ފަހުން ސަދަފްއަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑަށް ހަމަހޭވެރިކަން ގެއްލިފައިޥާ ދެ ޒުވާނުންނަށް ހޭވެރިކަން ލިބިއްޖެއެވެ. ސިހިފައި ތެޅިގަނެ އެކަކު އަނެއްކަކާއި ދުރަށް ޖެހިލީ ބިރެއް ފެނިގެން އުޅޭ އުސޫލުންނެވެ. ރުޅިވެރިކަން ކޮންޓްރޯލުން ނައްޓާއިގެން ސަދަފް ދިޔަ ބާރު މިނުގައި މާއިންގެ ބަނޑުގައި ކޮޅުފައިން ޖެހިއެވެ.
ވެގެން ދިޔަ ތަދުން މާއިން ހަޅޭއްލަވަމުން ދިޔަ އިރު، ދުވެލާފައި ޔަނާލް އެގޭތެރެއިން ނުކުމެގެން ދިޔައެވެ. އޭނާގެ ފަހަތުން ދެވެން އޮތް ނަމަވެސް ސަދަފް އިހްތިޔާރު ކުރީ މާއިންއެވެ. މާއިން ހުރީ މަސްތުގެ ހާލަތުގައި ކަން އެނގުނީ މަގަތުގައި، ހުސްކޮން އޮތް ބިޔަރު ފުޅި ފެނުމުންނެވެ. ހަށީގައި ހުރި ބާރެއްލާފައި މާއިންގެ ގައިގާ ތަޅަމުން ދިޔައިރު ސަދަފްއަށް ހަމެޖެހުމެއް ލިބުނީ މާއިންގެ މުޅި ހަށިގަނޑުގެ އެތަން މިތަނުން ލޭ ހިލުމުންނެވެ.
“ތިއީ އެހެން މީހެއް ނަމަ ، މިވަގުތުން މިވަގުތަށް އަހަރެންގެ އަތުން މަރުވީސް.. މިކަން ތަކްރާރް ކުރާނަންތަ؟” މާއިންގެ ގަމީހުގެ ގިރުވާނުގައި ސަދަފް ހިފައިލަމުން ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. އޭރުވެސް ދިޔައީ ރުޅިން ތުރުތުރު އަޅަމުންނެވެ. ބިރުގަނެފައި އޮވެ މާއިން ދެފަރާތައް ބޯ ހޫރުވާލިއެވެ. އެދުވަހު ސަދަފް އައީ އެއްފަހަރެއްކަމަށް ބަލާ ދޫކޮށްލުމަށް ފަހުއެވެ. އެވަރު ކޮށްލުމުން އޭނާ ހީކޮށްގެން ހުރީ ދެން އެކަންތައް މާއިން ތަކުރާރް ނުކުރާނެ ކަމުގައެވެ. އޭގެ ފަހުން މާއިން ގޭގައި ވެސްމަޑުވިއެވެ.
ނަމަވެސް އެކަން އެގޮތުގައި އޮތީ ހަފްތާއަކަށެވެ. އަނެއްކާވެސް މާއިން އެހެން ބޭރަށް ދާން ފެށިއެވެ. ނަމަވެސް ކަމެއް ނުފެންނާތީ ސަދަފް ވެސް އަޅާނުލާ ހުރީއެވެ.
ވިޝާމްއާއި އިޔާންއާއި އެކު އެއްރޭ ސަދަފް ދިޔައީ ކޮފީއެއް ބޯލުމަށެވެ. އެތަނުގައި އިންދާ އިޔާންއަށް އައީ ފޯނު ކޯލެކެވެ. ގުޅީ އެކުވެރި އެކެވެ. އޭނާ ދިނީ، ޔަނާލްއާއި އެކު ކޮންމެވެސް ފިރިހެނެއް ކޮންމެ ރެއަކު ، އޭނާ ދިރިއުޅޭ އިމާރާތުގެ ފަންގިފިލާއަކަށް އަންނަ ހަބަރެވެ. އެމީހުން ނުކުމެގެން ދާއިރު މުޅިތަނުގައި ރަލާއި މަސްތުވާތަކެތީގެ ނުބައި ވަސްގަނޑު ހަރުލާފައި ހުންނަ ވާހަކައެވެ. އެމީހުން އެތަނަށް، އާންމުކޮން ދާ ގަޑި ވެސް ބުންޏެވެ. އިޔާންގެ ގާތައް އިނީ ނުހަނު ރުޅިއައިހެވެ. ޔަނާލްދެކެ އިޔާން ލޯބި ނުވިނަމަވެސް އަދި ކޮންމެ ގޮތަކަށް ކުރެވުނު ކައިވެންޏެއް ނަމަވެސް، ކައިވެނިކޮށްގެން ހުރެ އެފަދަ ގޮތަކަށް ނޫޅެވޭނެ ކަމުގައި އިޔާން ބުންޏެވެ. އަދި އެކަން ވާނީ ޔަނާލްއަށް ވެސް އަންގާފައި ކަމުގައި އިޔާން ބުންޏެވެ. އެވާހަކަ ސަދަފްއަށް ވެސް ގަބޫލް ކުރެވެއެވެ. އެއްބަސް ވެސް ވެވެއެވެ. އިޔާންއާއި މެދުހިތުގައި ހަމްދަރުދީ ވަނީ ނުހަނު ބޮޑަށެވެ.
ސަދަފްގެ ހިތުގައި ބިރުވެރިކަން ހިނގާލި އިރު، ޔަނާލްއާއި އެކު އެއުޅޭ މީހަކީ މާއިންއަށް ނުވޭތޯ ދުއާ ކުރެވުނު އަދަދެއް ނޭނގެއެވެ. އެރޭ ގެއަށްގޮސް އެންމެ ސިކުންތަކަށް ވެސް ސަދަފްއަކަށް ނުނިދުނެވެ. މާއިން ހޯދުމަށް ތިން ފަހަރަށް އެކޮޓަރިއަށް ދިޔައިރުވެސް ފެންނަ ގޮތެއްނުވިއެވެ.
ޖެހިގެން އައި ދުވަސް ވެސް ނިމި އެރެއަށް މަރްހަބާ ކިޔައިފިއެވެ. ވިޝާމްގެ ފުށުން އިވުނުގޮތުގައި އިޔާން ހުރީ އެރޭ އެތަނަށް ފުލުހުން ފޮނުވަން ތައްޔާރްވެގެންނެވެ. އެރޭ ނުވައެއް ޖެހުމާއި ގާތްވި އިރުވެސް މާއިންގެ ހިލަމެއް އެގެޔަކުން ނުވިއެވެ. އެންމެ ފަހުން ހިތާއި ދެކޮޅަށް ސަދަފް ގެއިން ނުކުތީ އެ އިމާރާތައް ދިއުމަށެވެ. އޭނާގެ ނަފްސަށް ހަމަޖެހުމެއް ލިބޭނީ އެތަނުގައި ހުރީ މާއިން ނޫންކަން އެނގުމުންނެވެ. ކޮންމެގޮތަކަށް މާއިންގެ އުޅުން ހުރިކަމުގައި ވި ނަމަވެސް، ދެރަގޮތެއް މާއިންއަށް ވެގެން ދާތަން ދެކެން ސަދަފް ބޭނުމެއް ނޫނެވެ. ހާއްސަކޮން ހައިކަލްއާއި އާމިލާ ދެރަވާ ފަދަ ކަމެއް ވިޔަކަ އޭނާ ނުދޭނެއެވެ. އެދެމީހުންނަކީ އޭނާގެ މުޅި ދިރިއުޅުމެވެ.
ވިޝާމް ބުނި ގަޑީގެ ކުރިން އޭނާ އެތަނަށް ދިޔައެވެ. އޭރު އެހިސާބާއި ތަންކޮޅެއް ދުރުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން އޭނާގެ ލޮލުގައި އަޅައިގަތެވެ. ވަންނަން ދިޔަ އިމާރާތާއި ކައިރީގައި ހުރި މީހެއްގެ ކައިރިން ވެގެން އުޅޭގޮތް ސަދަފް އަހާ އޮޅުން ފިލުވިއެވެ.
“އެއުޅެނީ މިހިސާބުން ބަޔަކު ވަރަށް ފޯރީގަ ޑްރަގް ނަގާކަމުގެ ރިޕޯޓެއް ލިބިގެން ކަމަށް ވަނީ” އެމީހާގެ ޖަވާބުން ސަދަފްގެ މެޔަށް އުނދަގޫވިއެވެ. ލަސްނުކޮށް އިމާރާތުގެ ތެރެއަށް ވަނެވެ. އެރޭ އިޔާން ފޯނު ނިންމާލާފައި އެމީހުންނަށް އެވާހަކަ ކިޔައިދިން އިރު ބުނެލި ފަންގިފިލާއަށް އެރިއެވެ. އެތަނުން ސަދަފް ހޯދާލީ ފަސްވަނަ އެޕާޓްމަންޓެވެ. ދޮރާއި ގާތްވީވީހެން އެތެރެއިން އަންހެނަކާއި ފިރިހެނެއްގެ ހުނުމުގެ އަޑު އިވެއެވެ. ކައިރި ވުމުން އެތަނުން ފިރިހެން މީހާގެ އަޑު މާއިންއާއި ވައްތަރު ވެއްޖެއެވެ. ސަދަފް ދޮރުގައި ޓަކި ޖަހާލި ހިނދު މާ ގިނަ އިންތިޒާރެއްކުރާކަށް ނުޖެހުނެވެ. ދޮރު ހުޅުވާލީ ޔަނާލްއެވެ. ސަދަފް ފެނުމާއި އެކު އުޅުނީ ދޮރުޖަހާށެވެ. އެހެނަސް އޭނާ މާ ހުށިޔާރެވެ. ދޮރުފަތުގައި ހިފެހެއްޓި ގޮތައް ފަހަތައް ކޮއްޕާލިއެވެ. ޔަނާލް ވެސް ދިޔައީ ފަހަތައް ފަހަތަށެވެ.
“އަނެއްކާ ކަލޭ؟ ”
ކުއްލިއަކަށް ސަދަފް ފެނުމުން ބިރުގަނެފައިވާ ފަދައަކުން މާއިން ތެޅިގަތެވެ. ޔަނާލްގެ މޫނުމަތިން ވެސް ފެންނަނީ ޖެހިލުން ވެފައި ހުރިކަމުގެ އަސަރުތަކެވެ. ހަމަ އެވަގުތު ބަޔަކު ވާހަކަ ދައްކާ އަޑު އިވިއްޖެއެވެ. އެއީ ފުލުހުންގެ އަޑުކަން ޔަގީނާއި ގާތައް ސަދަފްއަށް އެނގުނެވެ. މުޅި އެޕާޓްމަންޓްގެ ތެރޭގައި ވާ ބިއަރު ފުޅިތަކުގެ ސަބަބުން އެތަނުން އެމީހުން ސަލާމަތް ވާނެ ގޮތަކީ ނެތްގޮތެވެ.
“ޕްލީޒް.. ދެން ނުކުރާނަން މިކަހަލަ ކަމެއް.. ހެލްޕްއެއް ވެދީބަލަ..”
“މަ ހެލްޕް ވާނަމޭ ބުނެގެންތަ ކަޅޭ މިކަހަލަ ކަންކަން ތިކުރަނީ .. އޭން؟” ރުޅިއާއި ބިރާއި އެކުވެގެން ސަދަފްގެ އަޑު ނުކުތީ ބާރަށެވެ. އެދަނޑިވަޅުގައި އޭނާ ވަކީ ހަނދާނީ ކިހިނެތް ހެއްޔެވެ.
“ޕްލީޒް.. ޔަނޫ-”
“ހާދަ ފިނޑިއޭ ކަންކަން ކުރަން އުޅޭއިރު.. އެނގެއެންނު އިޔާންއާއި ކަން މަ އިނދެ އުޅެނީ ކުރިން ވެސް.. ދެން މިހާރު މާ ބިރުން ނޫޅެބަލަ.. ހައްޔަރު ކޮށްލީމަ ޖެހޭނީ ދެތިން ހާސް ރުފިޔާ ދިއްކޮށްލަން .. ސަލާމަތް ވެވޭނެ..” ޔަނާލް ހަމަޖެހިލަމުން ގޮސް ސޯފާއަށް ޖެހިގަތެވެ. އޭނާ ވެސް ހުރީ މަސްތުގެ ހާލަތުގައެވެ.
“ދެން ދުވަހަކު ވެސް މިކަހަލަ ކަމެއް ނުކުރާނަން.. މަ ބޭނުމެއް ނޫން ބައްޕައާއި މަންމައަށް މިކަން އެނގޭކަށް” މާއިން ރޮވޭ ފާޑަށް ޥާހަކަ ދެއްކިއެވެ. ކޮންމެ ގޮތަކަށް މާއިން ކަންކުރި ނަމަވެސް ، ސަދަފަ ދެކެނީ އެއްބަނޑު އެއްބަފާ ކުއްޖެއްގެ ގޮތުގައެވެ. ފުރަތަމަ ވެސް ވިސްނާލެވުނީ އާމިލާއާއި ހައިކަލްގެ މަތިންނެވެ. އާމިލާއަކީ ހިތުގެބަލި ހުންނަ މީހެކެވެ. އެދެމީހުން ރޮއްވާލާކަށް ސަދަފް ބޭނުމެއް ނުވިއެވެ. އުމުރުން އެ ވަރުކޮށްދީ ބަލާ ބޮޑުކުރީ ކުޑަވެސް ދެރަ ބަހެއް ނުބުނެ އެހާ ލޯބިންނެވެ. އަމިއްލަ ދަރިންނާއި އޭނާ ތަފާތެއް ނުކުރެއެވެ. ނަމަވެސް އަމިއްލަ ދަރިއަކު މިހާ ނުބައިކަމެއް ކުރުމުން ވާނެ ދެރަ އަންދާޒާ ކޮށްލަން ވެސް ދައްޗެވެ. ސަދަފްގެ ސިކުނޑި އެވަގުތު ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. އަނެއްކޮޅުން ދޮރު ނުހުޅުވައިގެން ދޮރުގެ އެފަޅިގައި ތިބި ފުލުސް އޮފިސަރުން ދޮރު ވައްޓާލާނެ ކަމުގެ އިންޒާރު، މެދު ނުކެނޑި ދިޔައީ ދެމުންނެވެ. ސަދަފްއަށް އެ ނުސިޔާނު ވަގުތު ވަގުތު ވިސްނުނީ މާއިން ކުރި ކުށް އަމިއްލަ ބޮލުގައި އަޅުވައި މާއިންއަށް އިތުރު ފުރުސަތެއް ދީ، އެތަނުން ވީ އެންމެ އަވަހަކަށް އޭނާ ފޮނުވާލުމެވެ.
ފުލުސް އޮފިސަރުން ދޮރުގައި ތަޅަން ފެށުމުން ސަދަފް ދުވެފައި ގޮސް ނުކުތީ ބެލްކޮންޏަށެވެ. ތިރި ބަލައިލި އިރު ޖެހިގެން ހުރި އިމާރާތުގެ ބެލްކޮންޏަށް ނުހަނު ފަސޭހައިން އިނީ ފުންމާލެވޭ ހެންނެވެ. މާއިންގެ އަތުގައި ހިފައި ގެނެސް ސަދަފް ދައްކާލީ އެ ބެލްކޮންޏެވެ.
“އުއްމީދުކުރަން ދެން މިކަހަލަ ކަމެއް ނުފެންނާނެ ކަމަށް!” އިތުރު އެއްޗެއް ސަދަފް ނުބުންޏެވެ. ބެލްކޮނިން މާއިން ބޭރުކޮށްލުމަށްފަހު އެތަނުގެ ދޮރު ތަޅުލިއެވެ. ދޮރު ހުޅުވުނު އަޑުއަހާފައި ހުރިގޮތައް ހުރެ ދެލޯ މަޜާލެވުނެވެ. ފުލުހުން އޭނާގެ އަތުގައި ބިޑިއަޅުވައިގެން އެގޭތެރެއިން ނެރެ، އެމީހުންގެ ޖިޕްއަށް ލީ އިރު ކޯތާފަތްމަތިން ކަރުނުތައް ފައިބަމުން ދިޔައެވެ.
ސްޓޭޝަނަށް ގޮސް ފުރަތަމަ ވެއްދީ ވަގުތީ ގޮތުން ކުށްވެރިން ގެނެސް ބައިތިއްބާ ޖަލަކަށެވެ. އެތަނުގައި ބައިތިއްބުމަށްފަހު ދެން ގެންދިޔައީ ޓެސްޓް ކުރުމަށެވެ. އިއްތިފާގުން އެތަނުން ދިމާވީ އޭނާގެ އެކުވެރިއަކާއި އެވެ. އެގޮތް މިގޮތައް ، އެތައް އާދޭހެއް ކޮށްގެން އޭނާއަށް ހެދި ރިޕޯޓް ތަކުގައި މަސްތުވާ ތަކެއްޗަށް ފައްސިވެފައިވާ ކަމަށް ޖަހައިދިނެވެ. އެވެސް އެކަން ނުކޮށްދީފި ނަމަ ދެމެދުގައި ގުޅުން މުޅި އުމުރަށް ކަނޑާލާނެކަމުގެ އިންޒާރު އެ އެކުވެރިޔާއަށް ސަދަފް ދީގެންނެވެ.
އޭގެ ގަޑިއިރުތަކަކަށް ފަހުން ތަހުގީގް ކޮޓަރިއަށް ޔަނާލްއާއި ދެމީހުން ވެއްދުނެވެ. އިރުގަނޑެއް ނުވެ ބޭރުން އިވުނީ އިޔާންގެ އަޑެވެ. ސަދަފްއަށް ދެއަތް ދެއަތާއި ފިތާލެވުނީ، އެ ވަގުތަކީ އެކުވެރިޔާއާއި އޮތް ގުޅުން އެއްކޮން ކެނޑިގެންދާނެ ވަގުތުކަން ވިސްނުމުންނެވެ. އެތެރެހަށި ބަލިކަށިވެ ކަރުނުން ލޯ ބަރާވިއެވެ. އެހުރި ގޮތައް ހުއްޓާ އެ ކޮޓަރިގެ ދޮރު ހުޅުވާލާފައި އިޔާން ވަނެވެ. ސަދަފްގެ ގާތައް ހުއްޓި ކޮނޑުގައި ހިފާ އަނބުރާލިއެވެ. އިސްޖަހައިގެން ހުރި ނަމަވެސް އެވަގުތު އިޔާންއަށް ވެގެން ދިޔަ ގޮތް ސަދަފް ދެކުނެވެ.
” ހައިރާން ވެއްޖެ ދޯ..ސަދަފް އެއީ އަހަރެންގެ ޕާޓްނަރ” ޔަނާލް ހުއްޓީ ބުނެލީ އެކަނި އިޔާންއާއި ސަދަފްއަށް އިވޭ ވަރަށެވެ. ނުބައި ޒާތަކަށް ހިނިއައިސް ހުރި ޔަނާލްގެ މޫނުމަތިން ފެނިގެންދަނީ މާމޮޅުކަމެއް ކުރެވިގެން އުޅޭފަދަ އަސަރުތަކެކެވެ. އިޔާންގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައިރު އެއްވެސް ސަމާލުކަމެއް ޔަނާލްއަކަށް ނެތެވެ. އޭނާގެ ދެކަޅި ހުއްޓިފައި ހުރީ ސަދަފްގެ މޫނަށެވެ.
“ޝެ..ޑީ” ލަސްލަހުން އޭނާއަށް ގޮވާލި އިރު އެއަޑުގައިވީ ޝަކުވާއެވެ. ގާތްއެކުވެރިޔާ އަށް ތިކުރުވީ ކޮންފަދަ ކަމެއްހޭ ބުނެ އަމިއްލަ ޒަމީރް ވެސް ދިޔައީ ސަދަފްއަށް މަލާމާތް ކުރަމުން ކަހަލައެވެ.
“އަހަރެން ދުވަހަކު ވެސް ހިއެއް ނުކުރަން މިވަރުގެ ބޮޑު ނިކަމެތިކަމެއް ސަދަފް މަށައް ކުރިމަތި ކުރުވަފާނެ ކަމެއް! މިތަނަށް ވަނުމުގެ ކުރިން މި ފައިލުން މައުލޫމާތު ފެނުނީމަ ހީކުރީ މިމީހުންނަށް އޮޅިގެން ކުރެވިފަ އިން ކަމެއް ކަން.. ހީ ވެސް ނުކުރަން! ދުވަހަކު ވެސް ހީ ނުކުރަން ، މާއިން މިފަދަ އަނިޔާއެއް މަށައް ދިނަސް ސަދަފް ދީފާނެ ކަމަކަށް! ފްރޮމް ނައު އޮން ، ޔޫ އަރ ޑެޑް ޓް މީ!” އިޔާން ބުނަން ބޭނުން ވި ބަސްތައް ބުނުމަށްފަހު ނުކުމެގެން ދިޔައިރު ދެލޮލުން ފޭބި ކަރުނަތައް ސަދަފް ދެކުނެވެ. އަމިއްލަ ނަފްސުގެ ދިފާއުގައި ބުނެވޭނެ ބަސްތައް ހުރި ނަމަވެސް ސަދަފް އިހްތިޔާރު ކުރި ހަމަހިމޭންކަމެވެ.
އޭނާއަށް ފަހު ދެން އެތެރެއަށް ވަނީ އާމިލާއާއި ހައިކަލްއެވެ. އެދެމީހުން ކުރިމަތިގައި ހުރެ ރޮމުން ކުރިހާ ޝަކުވާއެއް އިވި ހިތް ފަޅައިގެން ދާވަރުވިއެވެ. އާމިލާގެ ހާލަތު ގޯސްކަމުން ހައިކަލްއަކަށް އެތަނުގައި މަޑެއް ވެސް ނުކުރެވުނެވެ.
……..
އެހިޔާލްތަކުން އެނބުރި އާދެވުނު އިރު ސަދަފްގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް މޭޒު މައްޗަށް ތިކި ޖަހަން ފެށިއެވެ.
އެކަންތައް ގަނޑަށް ފަހު އިޔާންގެ އިތުރުން ، އޭނާގެ ގާތް ދެ އެކުވެރިންނާއި އޮތް ގުޅުން ވެސް މުޅިންހެން ހީނަރުވިއެވެ. އެކުވެރިން ގުޅާ ހެދި ކަމުގައި ވިޔަސް އެމީހުންގެ ސުވާލްތަކައް ދޭނެ ޖަވާބެއް ސަދަފްގެ ކިބަޔަކު ނުވެއެވެ. އެފަހުން އެއްގޮތަކަށް ވެސް ސަދަފް ފޯނެއް ނުނަގައެވެ. ހަފްތާއެއް ޖަލުގައި ހޭދަ ކުރުމަށްފަހު ހައިކަލް އެތައް ބަޔަކާއި ވާޙަކަ ދައްކައިގެން ޖޫރިމަނާ ފައިސާ ދެއްކުމުން ސަދަފް އަށް ޖަލުން މިނިވަން ވެވުނެވެ. ނަމަވެސް ރާއްޖޭގައި މަޑުނުކޮށް ފުރައިގެން ދިޔައީ މެލޭޝިއާއަށެވެ. އަހަރެއްހާ ދުވަހު މަޑުކުރުމަށްފަހު އެނބުރި އައީ މާސްޓާސްއަށް ފަހުއެވެ. އޭރު ގޭތެރޭގެ ހާލަތު ވަނީރަނގަޅު ވެފައެވެ. ނަމަވެސް ވިޝާމްއާއި އޮތް ގުޅުން އޮތީ ހީނަރުވެފައެވެ. އެ ގުޅުން ރަނގަޅު ކުރެވުނީ ދެއަހަރު ދުވަހު ސަދަފް ކުރި މަސަކަތުންނެވެ. ދެން ހުރީ މާއިންއެވެ. އެ ވަރުގެ ބޮޑުކަމެއް ކޮށްދިނުމުން ވެސް މާއިން ބެހެއްޓީ ދުރުކަމެވެ. އުޅުން ވެސް އިސްލާހެއް ނުވިއެވެ. އުޅެނީ ވެސް ބޭރުތެރޭގައެވެ.
ނަމަވެސް ފުރަތަމަ ފަހަރަށް ބުލޫމޫން ރިސޯޓުން، ނާސިފް ގުޅުމާއި ހަމައަށް ސަދަފް ހީކޮށްގެން ހުރީ ބޭރުތެރެއަށް ގިނަވެގެން އުޅުނުކަމުގައި ވިޔަސް ޑްރަގުގެ ތެރޭގައި މާއިން ނޫޅޭ ކަމުގައެވެ. ނަމަވެސް މިޙާރު މިވަނީ އޭނާގެ އެ ބޮޑު ގުރުބާނީއަކީ ބޭނުމެއް ނެތް އެއްޗަކަށް ވެ ނިމިފައެވެ. މާއިންއަށްޓަކައި އޭނާގެ އަމިއްލަ އަބުރާއި އިއްޒަތް ކަތިލީ އަމިއްލަ ދެއަތުންނެވެ. އެތައް އިރަކު ވިސްނުމުގައި ސަދަފް އޮތް އިރު މެދުކެނޑުމެއްނެތި ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
****
”ހެޕީ ބާތް ޑޭއި” އިރަމްގެ ލޯމަތީގައި އަތް އަޅައިގެން ހުރެ އަމީރާ އަތް ނައްޓާލީ ޓެރެހުގެ ދޮރުން އެތެރެވެވުމުންނެވެ. އެހިނދު އެންމެންގެ އަޑު އެއްފަހަރާ އިވިއްޖެއެވެ. އިރަމްއަށް އުފަންދުވަސްކަން ހަނދާންވީ ވެސް އެވަގުތުއެވެ. ސަދަފްއާއި ދެމެދު ހިނގާދިޔަ ކަންތައް ގަނޑަށް ފަހު އެކަމާއި ވިސްނަން ހަދައިގެން އެދުވަސް ހަނދާނުން ކައްސާލިއެވެ.
އެތަނުގައި އާއިލާއިން ވެފައިވާ ތައްޔާރީތައް ފެނި، ހިތުގައިވި މޮޅިވެރިކަން ހިނދުކޮޅަށް ނަމަވެސް ފިލައި ދިޔައެވެ. އަނގަމަތީގައި އަތްއަޅާއިގެން ހުރެ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ.
“ވެއިޓް..ވެއިޓް… މިއަދު މިއީ ޖެނުއަރި ފަންސަވީސްތަ؟ ވަޓް؟ ހަމަ ރަނގަޅަށް ވެސް ނެތް ހަނދާނެއް” ދެލޯ ބޮޑުކޮށްގެން ހުރެ ފޯނުގެ ތާރީހަށް އަދި އެއްފަހަރު އިރަމް ބަލައިލިއެވެ. އެހިނދު އެންމެން ގެ ހުނުމުގެ އަޑު ފަޒާގައި ހިފާލިއެވެ. އިރަމްއަށް އެންމެ ކަމުދާ ދަނބާއި ހުދު ކުލައިގެ ރީތި މާކޯނިތަކުން މުޅި ތަން ވަނީ ޖަރީކޮށްލާފައެވެ. ދިއްލާފައި ހުރި ބޮކިތަކުން އިތުރު ދިރުމެއް ގެނެސްދެއެވެ. އަމީރާއާއި އެކު ހަވީރު ބޭރަށް ނުކުތް ވަގުތާއި ދިމާކޮށް އެމީހުން ވެފައިވާ ތައްޔަރީތައް ފެނި އިރަމް ކޮސްވިއެވެ.
“ދެން ތި އަނގަ ލައްޕާފަ އާދެބަލަ .. ނިއު އިޔާރ ނައިޓް ގަ ވެސް ދޮންބެ ބުނިންދޯ ދެން އޮތީ އިރޫގެ ބާތް ޑޭ އޭ.. އެދުވަހު ވެސް ހިންޓު ދިނިން” އިރަމްގެ ކޮނޑުގައި ހިފައި ގެނެސް އިޔާން ބެހެއްޓީ ކޭކް ކައިރީގައެވެ. އޭރު ފޯނު ހިފައިގެން ހުރެ ނާޔާ އާއި އަމީރާ ދިޔައީ އިރަމް އުޅެމުން ދިޔަ ގޮތް ވީޑިއޯ ކުރާށެވެ. އިރަމް ވެސް ހީހީފައި އިޔާންގެ ބަހަށް ބޯޖަހައިލިއެވެ.
“ކޮބާ ދޮންތަބޭ؟” އެތަނުގައި ޔުމާން ނެތުމުން އިރަމްއަށް އަހާލެވުނެވެ.
“ދޮންތަބޭ އަންނަން ވެގެން އުޅުނީ.. އެކަމަކު ކުއްލިއަކަށް ރިސޯޓްއަކަށް ދާން ޖެހިގެން ހަވީރް ގޮސްފި…” ނާޔާ ކިޔައިދިނެވެ. އެހެންހޭ ބުނެ އިރަމް ބޯޖަހައިލިއެވެ.
“އަނެއްކާ ވެސް އެމީގެ ބާތްޑޭ އަންނަނީ ދޯ؟”
“އޭން؟ އެމީގެ ބާތް ޑޭ އޭ؟” ހައިރާންވެ ހުރެ އަމީރާއަށް އެހިއްޖެއެވެ.
“ސާބަސް ދަރިފުޅާ.. މިދުވަސްކޮޅު ހަމަތަ އަނެއްކާ؟ އެމީގެ ބާތް ޑޭ އަންނާނީ ދެން މިއަހަރު ނޮވެމްބަރުގަ” މަޖުދާއަށް ނުހުރެވިގެން އިރަމްގެ ބޮލުގައި ޖަހާލިއެވެ. އިރަމް ‘އޯހް’ އޭ ލައްވާލި އިރު ހުރިހާ އެންމެންގެ ހުނުން އަނެއްކާ ވެސް އިވިއްޖެއެވެ.
“ހެޕީ ނައިންޓީން ބޫ.. މިގަޑީގަ ނުބަލާނެ އިނގޭ” އަމީރާ ދިއްކޮށްލީ ކަޅުކުލައިގެ ބޮޑު ކޮތަޅެކެވެ. އެ ކޮތަޅު ފެންނަނީ ފުދޭވަރަކަށް ބަރުކޮށެވެ. އިރަމްގެ ޝައުގުވެރިކަން ހޭލައި، ކޮތަޅު ހުޅުވަން އުޅުމުން އަމީރާ ވަގުތުން އެކަން މަނާކުރިއެވެ. އަމީރާގެ އަތުގައިވެސް ހަމަ އެފަދަ ކޮތަޅެއް އޮތުމުން، އިރަމް ހައިރާންވެފައި ހުރެ ނިތްކުރި އަރުވާލިއެވެ. އަމީރާ އެއްވެސް ޖަވާބެއް ނުދީ، އިޝާރާތްކޮށްލީ މަޑުކޮށްލުމަށެވެ. އެވަގުތު ރީއާ އެތަނަށް އައުމުން، އަމީރާއަށް އިތުރަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.
“ދޮންތާ، ބުނެފިންތަ މަންމަމެން ކައިރީގަ؟” ނާޔާގެ ބަނޑުގައި މަޑުމަޑުން އަތް ޖައްސާލަމުން އިރަމް ސިއްރުސިއްރުން އަހާލިއެވެ.
“ތިހެން ބުނަން ނުކެރިގެން މިއުޅެނީ.. ޔޫވީއަށް ޕްރެގް އިރުވެސް ޔުމާން ލައްވާ މަ ބުނުވީ.. ހާދަ ލަދެއް ގަނެއޭ އެބަ” ނާޔާގެ ވާހަކައިން އިރަމްއަށް ނުހިފެހެއްޓިގެން ހެވުނެވެ.
“ސާބަސް .. ދެކެދެކެ ވެސް ތިވަރު ކަމެއް ނުދެކެން.. ދެން މަންމަގެ ކައިރީގަ އަންހެން ދަރިއަކަށް ބުނަން ނުކެރޭނެތަ..ޕިސް ދޮންތާ”
”އައި ނޯ އޭ އިރޫ.. އެނގެއެންނު ދޮންތަ އަލަށް ޕީރިއަޑް ވީ ދުވަހު ވެސް ލަދުން އުޅުނު ވަރު.. ހުވާ މިބުނީ ލަދެއް ގަނޭ އެބަ”
” ތިކަހަލަ ކަންތައް ކުރާއިރު ލަދެއް ނުގަނޭ ދޯ” އިރަމްގެ ލާނެތް ޖަވާބުން މިފަހަރު ނާޔާއަށް ވެސް ހެވިއްޖެއެވެ.
“ލާނެއްގަނޑާ!.. ސަހަދާތް” އިރަމްގެ ކަރުގައި އޮޅިގަންނަމުން ނާޔާ ހެމުން ދިޔައެވެ.
”އޯކޭ، ލެޓް މީ ހެލްޕް ޔޫ..” އިރަމް އިށީނދެގެން އިން ތަނުން ތެދުވެ، މުޅި މަޖިލީހުގެ ސަމާލުކަން ހޯދިއެވެ.
“އެޓެންޝަން ގާއީޒްޒް.. އައި ހޭވް އަ ނިއުސް ފޯރ ޔޫ އޯލް” އިރަމް ނިކަން ހަމަޖެހިލާފައި ބުނެލިއެވެ. އެވަގުތުން ފެށިގެން މީރާންއާއި ނީޝަން “އަވަހަށް ބުނާށޭ” ކިޔައި އަޑުގަދަކުރަން ފެށިއެވެ. އަމީރާ ހިނިތުންވެފައި އިންއިރު، ނާޔާގެ މޫނަށް ބަލައިލީ އިރަމް އެބުނަން އުޅެނީ ކޮން ވާހަކައެއްކަން އެނގޭތީއެވެ.
“ކޮން ޥާހަކައެއް؟ ދަރިފުޅު މީހަކާ އިންނަން ވީތަ؟” ނަދީމް އަހާލިއެވެ. ވަގުތުން ނޫނެކޭ ބުނެ އިރަމް ކުސްތަޅާލިއެވެ.
“ދެން ނޫން ބައްޕާ.. އެންމެ ނަވާރަ އަހަރު އަދި އެވީ.. ބައްޕާ .. މަންމާ.. ޔޫ ގާއިޒް އާރ ހޭވިން އަނަދަރ ގްރޭންޑް ޗައިލްޑް…ދޮންތަ އިޒް ޕްރެގް” އިރަމް ބުނެލައިފިއެވެ.
“އޭންންން!” މަޖުދާ ދެލޯ ބޮޑުކޮށްލައިގެން އިނދެ ބަލައިލީ ނާޔާއަށެވެ. ނަދީމްގެ ހާލަކީ ވެސް އެއީއެވެ. ލަދުން އިދެ ނާޔާ ހީލިތަން ފެނި ތެދު ހަބަރެއްކަން އެނގިއްޖެއެވެ.
“ތެދެއްތަ ދޮންތާ؟” މީރާން އަހާލިއެވެ. ނާޔާ ބޯޖަހައިލި ހިނދު ހީވީ މުޅިތަން ގުޑައިގެން ދިޔަހެންނެވެ. ހުރިހާ އެންމެންގެ އުފާވެރި ހަޅޭކުގެ އަޑު މާހައުލު ހަލަބޮލި ކޮށްލިއެވެ. ނާޔާގެ ގައިގާ މަޖުދާ ބައްދާލި ހިނދު ފަހަތުން ނަދީމްވެސް އައިސް ދެމައިންނާއި ކައިރިވެލިއެވެ.
” ދޮންތަ ލަދުން ބުނަން ނުކެރިގެން އުޅެނީ.. ސޯ އަމް ހެލްޕިންގ ހާރ”
“އެ ތެދެއް ދަރިފުޅާ؟ ދެން ކޮންމެ ފަހަރަކު މަންމަ ދެކެ ލަދުން ބުނަން ނުކެރިގެން.. ކުރީ ފަހަރު ވެސް ޔުމާން ބުނީ..ސާބަސް އެނގޭ ނާޔޫ؟”އިރަމްގެ ޖުމްލަ އިވި މަޖުދާއަށް ދެފަރާތައް ބޯހޫރުވާ ލެވުނެވެ. ނަމަވެސް އޭނާ ލިބިފައި ހުރި އުފާވެރިކަން ހިނދުކޮޅަކަށް ވެސް ފަނޑެއް ނުވިއެވެ.
****
ނިދިފައި އޮވެ ޒަންޔާއަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. ސައިޑް ޓޭބަލް މަތީގައި ހުރި ފެންފުޅި ހުސްވެފައި ހުރުމުން އަނގައިން އަޑެއް ލައްވާލެވުނެވެ. ގަޑި ބަލައިލި އިރު ތިނެއް ޖެހީއެވެ. އަރާމްކޮން ނިދާލާފައި އޮތް ވިޝާމް ފެނުމުން ހޭލައްވާކަށް ނުކެރުނެވެ. ކުޑަ ގޮތަކަށް އިސްތަށިގަނޑު އައްސާލަމުން ކޮޓަރިން ބޭރަށް ނުކުތެވެ. ގޭތެރޭގައި އޮތީ ފަނޑު ހުދު އަލިކަމެކެވެ. އަވަސް ފިޔަވަޅު ތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކޮށްލަމުން ޒަންޔާ ތިރިއަށް ފޭބިއެވެ.
ކާކޮޓަރިއަށް ވަދެ އައިސް އަލަމާރިން ފިނިފެންފުޅިއެއް ނަގައިގެން ނުކުންނަން އައި ވަގުތު ކުޑަ ދޮރު ހުޅުވިފައި ހުރުމުން ޒަންޔާ ކައިރިވެލީ ދޮރު ލައްޕާލުމުގެ ބޭނުމުގައެވެ.
“ކާކު ބާ މިހުރީ މި ދޮރު ހުޅުވާފަ؟ ގައިމު ރޭގަނޑަށް ލައްޕާ ދޮރެއް .. މްމްމް، ކޮންމެވެސް މީހަކު ހަނދާން ނެތިފަ ކަންނޭގެ” އަމިއްލަ ނަފްސަށް އިވޭވަރަށް ވާހަކަ ދައްކަމުން ޒަންޔާ ދޮރު ލައްޕަން އުޅެން ފެށިއެވެ. އެހެން ހުއްޓާ ފެނުނީ، މައި ދޮރުން ޝާއިރާ ނުކުތް ތަނެވެ. އެހާ ލަސް ގަނޑިއެއްގައި ޝާއިރާ ބޭރުގައި ހުރެ ކުރާ ކަމެއް ނޭނގުމުން ޒަންޔާގެ ހައިރާންވިއެވެ. ޝާއިރާއާއި މެދު ހިތްގޯސްވެފައިވާ ވަރުން ، މިފަހަރު ވެސް ޒަންޔާއަށް، އޭނާއާއި މެދު ރަނގަޅަކަށް ނުވިސްނުނެވެ. ޔަގީނުންވެސް އެ ނުބައި އަންހެން މީހާ ރަނގަޅު ކަމަކު، މިފަދަ ގަޑިއެއްގައި ނުނިކުންނާނެއޭ ހިތް ބުނެލިއެވެ.
ފެންފޮދެއް ބޯލުމަށްފަހު ފުޅިއެތަނުގައި ބައިންދާފައި ޒަންޔާ ބޭރަށް ނުކުމެލީ، ބަދިގެ ތެރެއިން ބޭރަށް ނުކުމެވޭހެން އިންނަ ދޮރުންނެވެ. ޒަންޔާ ގޮސް މަޑުކޮށްލީ ޝާއިރާ ހުރި ތަނާއި ފުދޭވަރަކަށް ކައިރިއަށް ހުރި ބަގީޗާ ގަސްބޮނޑިއެއް ގެ ނިވަލުގައެވެ. ޒަންޔާގެ ހުރިހާ ވެސް ޝައުގުވެރިކަމެއް ހުރީ ޝާއިރާ އެވަގުތު ކުރަމުން ދިޔަ ކަމެއް ބެލުމަށެވެ. އެތަނުގައި ހުންނަ އިރު ޝާއިރާގެ ހަރަކާތްތައް ފެނެއެވެ. އޭނާ ފޯނުން ކޮންމެވެސް މީހަކަށް ނުގުޅިގެން އުޅޭ މަންޒަރު ފެނި ޒަންޔާގެ ނިތައް ރޫ އަރައިފިއެވެ.
”މި ހޫގޯ އަކަށް ވެސް ނޭނގޭނެ ފޯނު ނަގާކަށް” ޝާއިރާ އެކަނި ހުރެ އިއްވާލި ޖުމްލައިން ޒަންޔާއަށް ބަލައިލެވިއްޖެއެވެ. ނުބައި ޒާތަކަށް ހިތްތެޅިގަނެއްޖެއެވެ.
“ހޫ.. ހޫގޯ؟ އެ ހޫގޯ؟ ނާހް..ނާހް. ޝާއިރާއަށް ކިހިނެތް އެ ހޫގޯ އެނގޭނީ.. އެނޫނަސް ހޫގޯ ކިޔާ އެހެން މީހުން ދުނިޔޭގަ އުޅޭނު” ސިކުނޑިން ނުބައި އިންޒާރެއް ދޭން މަސައްކަތް ކުރަން ފެށުމުން ޒަންޔާއަށް އަވަސް އަވަހަށް ދެފަރާތައް ބޯހޫރުވާލެވުނެވެ. ތެޅެން ފެށި ހިތް ހަމައަކަށް އަޅުވާލަމުން ސަމާލު ވެލީ އަނެއްކާ ވެސް ޝާއިޜާ ވާހަކަ ދައްކާ އަޑު އިވުމުންނެވެ. މިފަހަރު އެމީހަކު ފޯނު ނަގައިފިއެވެ.
“ހޫގޯ. ހޫމް .. ފޯނު ނެގިއްޖެ ދޯ؟” ޝާއިރާ ސްޕެއިން ބަހުން ވާހަކަ ދެއްކުމުން ޒަންޔާގެ އަނގަ ހުޅުވުނެވެ. މާކިންއާއި އަމީރާ ހޯދުމަށް ސްޕެއިންއަށް ދިޔުމުގެ ކުރިން ލައިލާގެ ފަރާތުން އެބަސް އުނގެނިފައި ހުރުމުން އެކިޔަމުން ދިޔަ އެއްޗިހި ޒަންޔާއަށް އެނގެއެވެ.
“މިގުޅާލީ އެއްކަލަ ކަންތަކާއޭ.. ޔަގީން ދޯ މާކިން އޮތް ހޮސްޕިޓަލާއި ބެހޭ އެއްވެސް މައުލޫމާތެއް އެކަކަށް ވެސް ނޭނގޭނެ ކަން؟.. ” ޝާއިރާގެ އަނގައިން ބޭރުވަމުން ދިޔަ ލަފުޒުތައް ކަންފަތުގައި ޖެހުމާއެކު، ޒަންޔާގެ މޫނުމައްޗަށް އަނދިރިވެ، މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ސިހުމާއި ބިރުވެރިކަމުން މުޅި ކުއްޖާ ހުދުވެއްޖެއެވެ.
“މާކް؟” އަނގަމަތީގައި އަތް ބާއްވާލެވުނު އިރު ޒަންޔާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. ދެފަރާތައް ބޯހޫރުވެވުނު އިރު ނުބައި ޒާތަކަށް މެއިން ދިލަ ނަގަން ފެށިއެވެ.
“މާކިން ދުނިޔޭގަ އޮތް ކަމެއް ވެސް، ނެތް ކަމެއް ވެސް، އަދި އޭނާގެ އެއްވެސް ހަބަރެއް އެ މޮޔަ ލައިލާއަކަށް ނޭނގޭނެ.. މަ އޮންނާނީ މަހާއަށް ހުރިޙާ ކޮޅަކުން އިންޒާރު ދީ ރަނގަޅަށް ބައްދާލާފަ.. އެކަމަކު އޭނަގެ އުނދަގޫ މިދުވަސްކޮޅު މާ ބޮޑުވޭ އެބަ.. ކުޑަ ދުވަސްކޮޅަކަށް ރާއްޖެ އަންނަން ބޭނުން ވަނީ އޯ.. ބޮލަށް ފަސޭހަ ވާނީ ދެދުވަހަށް ނަމަވެސް ޜާއްޖެ ގެނެސް އަލުން އޭނާ އެކޮޅަށް ފޮނުވާލިއްޔާ.. އެހެންވެ މިބަލާލީ” ޝާއިރާގެ ރަހުމުކުޑަ ރާގުގައި މިފަހަރު ވެސް ހުރީ މަކަރުވެރިކަމެކެވެ. ފޯނުގެ އަނެއްކޮޅުން ހޫގޯ ބުނި އެއްޗަކުން، ޝާއިރާ ޖަހާލީ ބާރު، ނުލަފާ ހިނިގަނޑެކެވެ. އެ އަޑަކީ އިންސާނިއްޔަތުގެ ކުލަވަރެއް ނެތް، އަނިޔާވެރިކަމުގެ ރަމްޒެކެވެ.
ގަސްބުޑުގެ ހިޔަލުގައި ނިވާވެގެން ހުރި ޒަންޔާއަށް ކޮޅަށް ހުންނާނެ ވަރުނެތިގެން މަޑުމަޑުން ބިމަށް ތިރިވެވިއްޖެއެވެ. އިޚްތިޔާރެއް ނެތި ލޮލުން ފައިބަމުންދިޔަ ކަރުނަތަކާއެކު، އޭނާގެ އަޑު ބޭރުވެދާނެތީ ދެއަތުން އަނގަމަތީގައި ބާރަށް އޮބަހައްޓަމުން ދިޔައެވެ. މޭގެ ތެރޭގައި ފިތިފައިވާ އުދާސްތައް ބޭރުކޮށްލަން ބޭނުންވި ނަމަވެސް، ބޭޒާރުވެދާނެ ކަމުގެ ބިރަށް ހިތްވަރުކޮށްފައި ކޮޅަށް ތެދުވެ ގެއާ ދިމާލަށް ހިނގައިގަތެވެ. އެހެނަސް، ޝާއިރާގެ ދެން ބުނެލި ޖުމްލައިން އޭނާގެ ފައި ބިމުގައި ތަތްލި ކަހަލައެވެ.
“މްމްމް، އަމިއްލަ ދަރިއަކަސް ދެން އެހެން އުނދަގޫ ބޮޑުވަންޏާ ޖެހޭނީ ގޮތެއް ހަދަން.. އެއެއް ނޫނޭ، ޖިނާން އަންނަ ވާހަކަ ބުނީމެންނު.. ކޮން އިރ-”
ޖިނާންގެ ނަން އިވުމާއި އެކު، ޒަންޔާއަށް ލިބުނު ސިހުމާއި އެކު ތެޅިގަތް ވަރުން އަރިއަޅާލާ ގޮތްވިއެވެ. އޭނާއަށް ހިފުނީ ކައިރީގައި ހުރި ގަސްބޮނޑީގެ ހިމަ އޮފިގަނޑެއްގައެވެ. އެއާއެކު މުޅި ގަސްތައް އެކުއެކީގައި ތެޅިގަނެ، ހިކި ފަތްތަކުގެ އަޑު ވައިގާ ހިފާލިއެވެ.
“ކާކު؟ކާކު؟” ލިބުނު ކުއްލި ސިހުމަކާއެކު، ބިރުގަނެފައި ހުރި ރާގަކަށް ޝާއިރާ ގޮވާލިއެވެ. ޒަންޔާގެ ހިތް މޭގެ ތެރެއިން ފުންމާލަން އުޅޭ ފަދައެވެ. ރޮވެމުން ދިޔައިރު، ކުރިއަށް ދާނެ ނުވަތަ މަޑުކުރާނެ ގޮތެއް ނޭނގި، އޭނާ ގަނޑުވެފައި ހުރެވުނީއެވެ.
***
(ނުނިމޭ)

3 ހިޔާލު

  1. 💔
    00:19 ⁧⁦16/3/2026⁩⁩

    Aghhh
    Dhen
    Aharen haadha rulhi eh ahi hey mihury maain dheke💔💔

  2. Anonymous
    00:21 ⁧⁦16/3/2026⁩⁩

    Evaru ge bodu gurubaani eh shedy veema ves ❤️‍🩹
    I feel so bad for him
    Rovihje hama
    Maain ah visneyne nama

    Anehkhun magey mark😩😩
    Finally , mihaaru egihje dhuniyeyga oi kan
    Naseebeh zan ah ivunu kan😭😭❤️❤️
    Cant wait for the next part

  3. Nice
    16:05 ⁧⁦17/3/2026⁩⁩

    Kon dhuhuku dhn in part ..vrh kiyaa hithun indha e nimuny .. mi vaahaka reethi kamun eh dhuvas ehkkoh mi dhiyai vaahaka kiyumuga .. haadha furihama ey sifa kurun thahvx .. avahah naxt part upkohba

ކިޔުންތެރިންގެ ހިޔާލު