“ޒޭން..ކިހިނެތް ވީ..ކަމެއް ދިމާވީތަ..” އަކުރަމް ސުވާލް ކޮށްލި ހިނދު ޔަޒަން ދިއްކޮށްލީ އެ ފައިލްތަކެވެ. ހިޔާލެއް ފިކުރެއް ނެތި ޔަޒަން ދިން ފައިލްތައް ހުޅުވާލި ހިނދު އަކްރަމްގެ ދެލޯ ދިއައީ ބޮޑުވެގެންނެވެ.
***
ހުއްޓުން އަޜާފައި ހުރި އަކްރަމްގެ އަތުގައި އޮތް ފައިލް ބަލަން މިލީނާ ކައިރިވި ހިނދު އަކްރަމް އެ ނުދައްކަން މަސައްކަތް ކުރިއެވެ.އަކްރަމްގެ އެ އަމަލުން ނަވާރްއާއި ޔަޒަންގެ ހައިރާންކަން ވީ އިތުރެވެ. މިލީނާ ވެސް ހައިރާންވެފައި ހުރެ އަކުރަމްއަށް ގޮވައިލިއެވެ.
“ޒޭ..ޒޭން..ކިހިނެތް މި ހޯދީ…ކާކު އެހީވީ..”އަކުރަމްއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ. އޭނާގެ އަޑުގައި ވި ތުރުތުރު އެކަކަށް ވެސް ނޯޅެއެވެ.
“ވަރަށް ހައިރާން ވެއްޖެ ދޯ ތި ފައިލް ފެނުނީމަ..ކިތައް އަހަރު..ކިތައް އަހަރު މިވަނީ..ކިތައްފަހަރު އެހިން..ބޭބެ އަށް ކޮން ހައްގެއް އޮތީ އަހަންނަށް މި ހަގީގަތް ސިއްރުކޮށްގެން ހުރުން…އަހަރެންގެ އަމިއްލަ އާއިލާއާއި ބެހޭ މިވަރުގެ ބޮޑުކަމެއް އެނގުމުގެ ހައްގު ވެސް އަހަންނަށް ނެތީތަ.. އަހަންނަކީ މި އާއިލާގެ ކިހާ ބާކީ މީހެއްކަން މިއަދު އިޙްސާސް ކުރެވިއްޖެ…” ޔަޒަންގެ ކެތްތެރިކަން ކޮޅުން ލީ އެ ފެނުމުން ވެސް އަކްރަމްގެ އަނގައިން ބަހެއް ބޭރު ނުވުމުންނެވެ. ޔަޒަންގެ އަޑުގައިވާ އަސަރަކުން އަކްރަމްއަށް ވަގުތުން ނޫނެކޭ ބުނެވުނެވެ.
“ޒޭން ކީކޭތަ ތިކިޔަނީ…އެކަކުވެސް ވާހަކަ ނުދައްކަނީ ކީއްވެގެންތަ..” ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔަ މިލީނާ އަހައިލިއެވެ.
“ކިހިނެތް ތަ މިވަނީ..އަކްރަމް ކޯއްޗެއްތަ ތި ފޮރުވަނީ..ކީއްވެ މަށައް ނުދައްކަން ތިއުޅެނީ..” އެކެއްގެ ފަރާތުން ވެސް ޖަވާބު ނުލިބުމުން މިލީނާ އަނެއްކާ ވެސް ސުވާލްކުރިއެވެ. އަކްރަމް އެއްގޮތަކަށް ވެސް ފައިލް ނުދެއްކުމުން މިލީނާ ގާތައް ހުރީ ރުޅި އަންނަ ގޮތްވެފައެވެ.
“މިލީ..އަދި މަޑުކުރޭ..” ހަރުކަށި ކަމާއެކު އަކްރަމް ބުނުމުން ވެސް މިލީނާ ގޮތެއް ދުލެއް ނުކުރިއެވެ. އަކްރަމްގެ އަތުން ޖަހައިގަނެ އެ ފައިލް ހުޅުވާލި ހިނދު މިލީނާގެ މޫނު ދިޔައީ ހުދުވެގެންނެވެ. ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ގަނޑު ދެމިލިހެންނެވެ. އޭނާ ހުއްޓުނު އިރު އަރިއަޅާލަން މާ ގިނައިރެއް ނުނެގިއެވެ. އަކްރަމް އަވަސް ހަރަކާތަކާއި އެކު މިލީނާގެ ހަށިގަނޑުގައި ހިފަހައްޓާއިލާ ސޯފާގައި ބޭންދިއެވެ. މީހާ އޭރު ދިޔައީ ތުރުތުރު އަޅަމުން ދިޔައެވެ. ތެޅިގަނެފައި ޔަޒަން ވެސް މިލީނާގެ ގާތުގައި ގޮސް އިށީންނެވެ.
“އަކް..އަކްރާމްމް..އަހަރެން ދަރި..އެކުއްޖާ ކޮބާ..ކިހި..ކިހް..ކިހިނެތް މިވަނީ..” ރޮވެމުން ދިޔައިރު މިލީނާ އަށް ވާހަކަ ދެއްކުނީވެސް އާގަންނަމުނެވެ. އަކްރަމް ތުންފަތުގައި ދަތްއަޅައިގެން އިން އިރު އުދާސްކަމާއި އެއްވަރަށް ކުށްވެރިކަމުގެ އަސަރުތަކުން އެ މޫނުމަތި ވަނީ ފުރިފައެވެ.
“މަންމާ..މަންމައަކަށް ހަމަ ނޭނގޭތަ މިއިން އެއްވެސް ކަމެއް” މިލީނާގެ ދެއަތުގައި ހިފާލައިގެން އިންއިރު ޔަޒަން ހައިރާން ވެގެން އެހިއެވެ. ނަމަވެސް މިލީނާ އިނީ ވާހަކަ ދެއްކޭނެ ފަދަ ހާލަތެއްގައި އެއް ނޫނެވެ.
“ނޭނގޭނެ ޒޭން..މަންމައަކަށް އެކައްޗެއް ވެސް ނޭނގޭނެ..ޔާމީންއަށް ވެސް އެކައްޗެއް ވެސް ނޭނގި ތިއިނީ ފޫޅުމާ ފޯމުގައި ސޮއި ކޮށްފަ….ހީވޭތަ އަހަރެމެން ބޭނުން ވެގެން ތިފަދަ ދަށު ދަރަޖައަކަށް ވެއްޓޭނެހެން…މި ފައިލް ބަލައިލުމުން އެކައްޗެއް ވެސް ނޭނގޭނެ..އެކަމަކު މާދަމާ އަށް މަޑުކޮށްލާ..މިއޮތް ހުރިހާ އަހަރެއްގައި ވެސް ތިހުރީ ތާ…ދެން ވެސް މަޑު ކޮށްލާ..ހަމަ ބޭނުން ވަނީ ޒޭންއާއި މިލީ އަދި ނަވާ ވެސް އެންމެ ދެމީހުންނާ ބައްދަލް ކޮށްލުވަން..ނޫން ޒޭން.. މަޑުކޮށްލާ މަދަމާއަށް..” މާދަމާއަށް ލަސްކޮށްލުމަށް ބުނުމުން ޔަޒަން ހިތްހަމަ ނުޖެހިގެން އަކްރަމްގެ ވާހަކަ ހުއްޓުވަން އުޅުމުން އަކްރަމް އަތްހިއްލައި ލާފައި ބުނެލިއެވެ.
“ނޫން އަކްރަމް ހަމަ މިހާރް ބުނޭ..އިތުރަށް މަޑު ނުކޮށް ބުނޭ..އަދިވެސް ސިއްރު ކުރެވުނު ވަރު މަދީތަ އޭންން..” މިލީނާ ހަޅޭއްލަވައިގަން އިރު އަކުރަމްއަށް އިސްޖެހުނެވެ. މަޖުބޫރުކަން މަތީގައި ދެފިކުރެއްގައި ހުރެ އަކުރަމް ގުޅައިލީ މިހްޜާނަށެވެ.
***
ނަވާރްގެ ފޯނަށް އައި ޔަޒަންގެ ކޯލު އަޑު އިވުނު ހިނދު ނައުފަލް ކޮޓަރިތެރޭގައި ހުރެފައި ނުކުތެވެ. މާވަރަކަށް “ފައިލް” އެއްގެ ވާހަކަ ނަޥާރް ފޯނުގައިހުރެ ކިޔާތީ ނައުފަލް ވިސްނަމުން ހުރެފައި ތިރިއަށް ފޭބިއެވެ. ކުއްލިޔަކަށް ހޮސްޕިޓަލުން އެމީހުންގެ އަތްމައްޗަށް ދިޔަ ފައިލްގެ މަތިން ނައުފަލް ހަނދާން ވިއެވެ. ނައުފަލް ދެލޯބޮޑުވެފައިވާ ހާލު އަކްރަމްގެ ކޮޓަރިޔާއި ހިސާބަށް ދިޔައެވެ. ކޮޓަރީގެ ދޮރު ހިސާބަކަށް ހުޅުވިފައި ހުރުމުން ނައުފަލް ކަންފަތް ޖަހައިގެން ހުއްޓެވެ.
އެކޮޓަރި ތެރެއިން ހުރަހެއް ނެތި އިވެމުން ދިޔަ ވާހަކަތައް ނައުފަލް މިފަހަރު ގަތީ ބިރެވެ. އަކުރަމްއަށް އެކަން އެނގޭކަން އޭނާއަށް އެއިނގުނީ އަލަށެވެ. މިވާނީ ޝަހުރޫޒަށްވެސް އާހަބަރަކަށެވެ. “އަކްރަމް މިހާރު ކާކަށް އެގުޅަނީ..މިރޭ މިމީހުން ގަންނަ ގަނޑެއް ބަލާފަ މަ ދާނީ..އަދި މަޑުކޮށްލާނީ މި ހަދާ އެއްޗެއް ބަލަން..” އަކްރަމް ފޯނުގައި ހުރެ ލިވިންގްރޫމަށް އަންނަ އަޑު އިވިގެން ނައުފަލް ގޮސްވަނީ ސިޑި ބިތްދޮށަށެވެ.
***
” ބައްޕަމެން ހާދަ ވަރެއް ކޮށްލައިފިއޭ..ދޯ.. މަ އަދި ބުނީމޭ އާނާ މިތާގަ ހުންނާނީ އެންމެ ނައިޓް އަކަށްށޭ..” މިހުރާންގެ އެޕާޓްމަންޓް ނާއިފް އާއި މާޖިދު ވެގެން ވަނީ ނުހަނު ފުރިހަމައަށް ތައްޔާރު ކޮށްދީފައެވެ. ގެނައި ފޮށިތައް އެތެރެއަށް ވައްދާފައި މިހުރާން ބަލައިލީ އާނާއަށެވެ. އޭރުއާނާ ފްރިޖްއިން ފެންފުޅިއެއް ނަގައިގެން ބޯން ހުއްޓެވެ. މިހުރާން އައިސް އާނާ ގާތައް ހުއްޓުމުން އާނާ ބުމަ އަރުވާލިއެވެ.
“ކިހިނެތް ވީ..” މިހުރާން މާ ވަރަކަށް ބަލާތީވެ އާނާ އަހައިލީ ލަދުންހުރެއެވެ.
“އާދެބަ..” އާނާގެ އަތުގައި ހިފައިގެން މިހުރާން އައިސް އިށީންދެލީ ސޯފާގައެވެ. ފާއިތުވެ ދިޔަ ދެ ހަފްތާގައި އާނާގެ ހަށިގަނޑަށް ވަނީ ހެޔޮ ބަދަލްތަކެއް އައިހެވެ. ވަޅު ޖެހިފައި ހުރި ކޯތާފަތުގެ އާރޯކަން އައި އިރު ކުރަކިވެ ހުދުކަން އަރާފައި ވި ހަންގަނޑު އެންމެކުރިން ހުންނަ ފަދައިން އޮމާންވެ މަޑު ފިޔާތޮށިކުލައެއް ވަނީ ވެރިވެފައެވެ. ހަށިގަނޑުން ވެސް އެނގިލައިފިއެވެ. ނަމަވެސް އަދިވެސް ބަލައިގެން އުޅެން ބުނެފައި ވާތީ އާނާއަށް މާ ބޮޑަކަށް ތެޅޭކަށް ނުކެރެއެވެ. އަކްރަމް އާއި މިހުރާން ބާރު ފޯރުވައިގެން ގެޔަށް ވެސް އައީ އެމްބިއުލޭންސްގައެވެ.
“އިޓްސް އެއިޓް..އެއްޗެއް ނުކާންނަންތަ..” އާނާ މިރޭ ނުކާނެ ކަމަށް ދެތިން ފަހަރު ބުނެފައި ވީނަމަވެސް މިހުރާން އަހައިލިއެވެ.
“އަޅެ ރެންގެ ކައިރީގަ ބުނީމެންނު..އަހަރެން ނުކާނަމޭ..ފްލައިޓްގަ ވާ ވަރަށް ކެއީމޭ..” އާނާ މިހުރާންއާއި ދިމާލަށް ލޯ އަޅައިލަމުން ބުނެލިއެވެ. މިހްރާން ބޯކަހާލަމުން ހޭންފެށިއެވެ.
“ޔާ ބަޓް ސްޓިލް އަހާލެވުނީއޭ..ނާނާ މިހާރު މިތިބީ ރާއްޖެއަށް އާދެވިފަ..ނެތްތަ ވާހަކަތައް ކިއައި ދެވޭކަށް” މިހްރާން ސީރިއަސް ވެލައިފާ އަހައިލިއެވެ.އެވަގުތު އޭނާގެ ފޯނު ރިންގުވިއެވެ.
“އާހް އަނެއްކާ ވެސް ޓޯކް ލަސްކޮށްލަން މިޖެހުނީ މީއްކޮ އެގުޅަނީ..މިތާގަ ޔޯ އެހުރީ… ބުނީމެންނު އޭނަ އަންނާނެ ވާހަކަ..ޔޫ ރެޑީ” މިހްރާން އާނާގެ ކޮލުގައި ފިރުމާލި ހިނދު އާނަ ބޯޖަހައިލިއެވެ. އޭރު ހުއްޓުމެއްނެތި ދޮރުގައި ޓަކި ޖަހަމުން ދިޔައެވެ. މިހުރާންގޮސް ދޮރު ހުޅުވާލި ހިނދު މީޝަމްގެ ފަހަތުގައި ހުރި ޒަޔާން، މިހުރާން ހުއްޓާ ދޮރާއި ފާރާއި ދޭތެރެއިން ދެމިގަތެވެ. މިހުރާން ދެލޯ ބޮޑުވީ ޒަޔާން އަންނަކަމެއް އެނގިފަ ނެތީމައެވެ.
“މަގޭ ލޯބި މިހުރާން ދޮންބޭ..ކޮން ބިޓެއް ގޮވައިގެން ތަ ތިއުޅެނީ..މި އެއްޗަކު ކަމެއް ކުރާއިރު އަންނާ ނުލަ އޭ..ވަގު ކަ-” ބާރުބާރަށް ވާހަކަ ދައްކަމުން ޒަޔާން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ގަނޑުވިއެވެ. ފަހަތުން ވައިން މީޝަމްއަށް ވެސް ވީ އެފަދަ ގޮތެކެވެ. ދެމީހުން ދެލޯ ބޮޑުކޮށްގެން ބަލަން ތިބިގޮތުން އާނާ އާއި މިހުރާން ގާތައް އައީ ހިންޏެވެ.
“ހައި ޒަޔާން ބޭބޭ.. ހައި މީޝް..މައި ލަވިންގް ކްލާސްމޭޓް..މީޓް މީ..އަމް އާނާ ” ލާނެތް ކަމާއެކު އާނާ ހުއްޓިލީ ޒަޔާން އާއި މީޝަމްގެ މެދުގައެވެ. އޭރު ދެމީހުން ބިރެއް ފެނިގެން ބަލާހެން ބަލަހައްޓައިގެން ތިއްބެވެ.
“ވަޓް ދަ ފަ*..ވަޓްސް ގޮއިން އޮން..” ޒަޔާންއަށް ވާހަކަ ދެއްކުން ވެސް ވީ ބޮޑު ވޭނަކަށެވެ.އޭނާ ހުރީ ރަނގަޅަށް ވެސް ބިރުގަނެފައެވެ. އޭރު މީޝަމް ވެސް ބިރުގަނެފައި ހުރެ ޒަޔާންގެ ފަހަތުން އޭނާގެ ޓީޝާޓުގައި ހިފައި ބޮނޑިކޮށްލައިގެން ހުއްޓެވެ. އެހިނދު އަނެއްކާ ވެސް މިހްރާންއަށް ފޯން ކޯލް އެއް އައެވެ. މަޑުކޮށްލުމަށް އަތުން އިޝާރާތް ކޮށްލުމަށްފަހު އޭނާ އެ ކޯލް ނެގީ އަކްރަމްއަށް ވުމުންނެވެ.
“ބައްޕަ އެގުޅީ އެގެޔަށް ނާނާ ގޮވައިގެން އަންނާށޭ ބުނީ..ކިހިނެތް ވީބަ..މާދަމާ ހެނދުނުން އަންނަން ދޯ ބުނީ ވެސް” މިހުރާން އާނާގެ ގާތައް ގޮސް ހުއްޓިފައި ބުނެލިއެވެ. އެވަގުތު އާނާގެ މޫނުމަތިން ވެސް ނުތަނަވަސްކަން ފެންނަން ހުއްޓެވެ.
“މީއްކޮ މަޑުކޮށްފަ ޒަޔާން ހިނގާ މަށާ އެއްކޮން ދާން..އަދި އެނގޭނެ މި ވާ ނުވާ ވެސް” ހައިރާން ވެފައި ބަލަހައްޓާއިގެން ތިބި ޒަޔާންއާއި މީޝަމްގެ މޫނަށް ބަލައިލަމުން މިހްރާން ބުނެލިއެވެ. ޒަޔާން ވެސް އެއްޗެއް ނުބުނެ މިހްރާން އާއި އާނާގެ ފަހަތުން ނުކުމަތެވެ.ޒަޔާން ގާތު ވާނުވާ އަންގާލާށޭ ބުނެ މީޝަމް ވެސް އޭރު ގެޔަށް ވަންނަން ދިޔައެވެ.
“ކިހިނެތް ތަ މިވަނީ..” ޒަޔާން ކާރު ދުއްވާލަމުން ފަހަތު ސީޓްގައި ތިބި މިހްރާން އާ އާނާއާއި ސުވާލް ކޮށްލިއެވެ.
“އެތަނުގައި އެދުވަހު މަރުވީ އަހަރެންގެ ދައްތަ..އެންމާބަނޑު ދައްތަ..”އިސްޖަހައި ލައިގެން އިނދެ އާނާ ބުނެލި އިރު ޒަޔާން އަށް ކީކޭ ހޭ އަހައިލެވުނެވެ. އޭރު ކާރުގެ ބްރެކި ޖައްސާލަމުން ފަހަތައް އެނބުރިލެވުނެވެ. އާނާގެ ޖުމްލަ ޔަގީން ކޮށްދޭ ފަދައަކުން މިހުރާން ވެސް އެވަގުތު ބޯޖަހައިލިއެވެ. އާނާގެ ފަރާތުން ފާއިތުވި ދުވަސްތަކުގައި މިހްރާންއަށް ވެސް އެނގުނީ އެވަރެވެ.
“އަވަހަށް ހިނގާ..ބޭބެ ގެ ވާހަކަ ހުރިގޮތުން ކަމެއް ވެފަކަން އިނގޭ” އެތަކެއް ސުވާލް ހުރި ނަމަވެސް މިހުރާން އަނެއްކާ ވެސް އިނދެފައި ބުނެލުމުން ޒަޔާން ކާރު ދުއްވާލިއެވެ.
***
ލިވިންގްރޫމު ސޯފާތަކުން ސޯފާ އެއްގައި މިލީނާ އިން އިރު ކައިރީގައި ނަވާރް އިނެވެ. އެމީޙުންގެ ކުރި މައްޗަށް ވާހެން އިން ސޯފާގައި އަކްރަމް އިސްޖެހިފައިނެވެ. އިރުކޮޅަކާއި އަތުގައި އޮތް ފޯނަށް ބަލަމުންދެއެވެ.
އަކްރަމްގެ ކޮންމެ ހަރަކާތަކަށް އެމީހުންނާއި ތަންކޮޅެއް ދުރުގައި ފާރަށް ލެނގިލައިގެން ޔަޒަން ބަލަން ހުރި އިރު އަކްރަމް އެ ގެންނަނީ ކާކުބާއޭ ހިތައް އަރަމުންދިޔައެވެ. ފޮރުވުމެއްނެތި އަކްރަމްގެ މޫނުމަތިން އުދާސީ ކުލަވަރުތައް ފެންނަންހުއްޓެވެ.
އިންތިޒާރުގައި ތިބޭތާ އިރުކޮޅެއް ފަހުން ގޭގެ ބެލް އެޅުމުން އަކްރަމް އިންތަނުން ފުންމައިގެން ތެދުވެ ގޮސް ދޮރު ހުޅުވަން ދިޔައެވެ. އޭނާގެ ފަހަތުން ޔަޒަން ވެސް ގޮސް ދޮރު ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ. މިހްރާން ފެނުމުން ހައިރާން ވި ނަމަވެސް އޭނާގެ ފަހަތުން ވައިން އާނާ ފެނި ޔަޒަން އަށް ހީވީ ދުނިޔެ އެނބުރެން ފެށިހެންނެވެ. މިއިން ޒަމާނަކު އެވަރުގެ ބޮޑު ސިހުމެއް ނުލިބެއެވެ. ފަހަތައް ޖެހެމުން ގޮސް އޭނާ މަތަވީ ފާރުގައި ޖެހުމުންނެވެ.
އަކުރަމް، އާނާގެ އަތުގައި ހިފާލައިގެން އައިސް ޔަޒަންގެ ކުރިމަތީގަ ބެހެއްޓި އިރު އާނާއަށް ހުރީ ރޮވިފައެވެ. ހުއްޓުން އަޜާފައި ހުރި ޔަޒަން އަށް ބަލައިލެވުނީ މިލީނާއާއި ނަވާރް ހުރި ދިމާލަށެވެ. މިލީނާ ސޯފާގައި ގަބުވެފައި އިން އިރު ނަވާރްއަށް އިންތަނުން ތެދުވެވުން އިރު ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހެމުންދިޔައެވެ. އެމޫނުތަކުގައި ސިހުންނޫން ކުލައެއް ނުވެއެވެ.
ނަވާރް މަޑުމަޑުން ދެފައި ހަރަކާތް ކުރިއެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އާނާގެ ގާތުގައި ހުއްޓުނު އިރު ނަވާރްގެ ހިތައް ކޮށްފައިވި އަސަރު ކިތަންމެ ރަނގަޅަކަށް ވެސް ހާމަވެއެވެ. އާނާ ރޮވިފައި ނަވާރްގެ އަތުގައި އަތްލަން އުޅުނު ހިނދު ނަވާރް އަށް ފޮޅުވާލީ ނުހަނު ބާރަށެވެ. “ނަވާ..މީ އަހަންނޭ..” ނަވާރްގެ އެއަމަލުން ހިތްދަތި ވި ވަރުން އާނާއަށް ރަނގަޅަށް ވެސް ރޮވުނެވެ. ނަވާރް ރޮމުން ރޮމުން ދެފަރާތައް ބޯ ހޫރަމުންދިޔައިރު ގިސްލެވެއެވެ.
“ކިހިނެތް މިވަނީ..ކާކު މިވާނުވާ އެކްސްޕްލެއިން ކޮށްދޭނީ..”ރުއިމުގެ ތެރެއިން ނަވާރް ހަޅޭއްލަވައިގަތެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީއެވވެ. ނަވާރް މަސައްކަތް ކުރަމުންދިޔައީ އާނާއައި ދިމާ ނުބެލުމަށެވެ. މިހްރާން އާއި ޒަޔާން ވެސް ތިބީ ނަވާރްގެ ރުޅިވެރިކަން ފެނި ކުޑަކޮން ފަސްޖެހޭ ގޮތްވެފައެވެ.
“ކިތައް ކަންތައް ތި ސިއްރު ކުރަނީ..މި ފެމިލީއަށް ވަދެފަ ވަރަށް ރަނގަޅު ޑްރާމާއެއް ތި ކުޅުނީ”ޔަޒަން އައި ގޮތައް އައިސް ހިފީ އަކްރަމްގެ ގަމީހުގެ ގިރުވާނުގައެވެ. އެވަރުން ވެސް އަކްރަމް އިހްތިޔާރް ކުރީ ހަމަހިމޭންކަމެވެ. ޒަޔާން އާއި މިހްރާންއަށް ޔަޒަން ދުރުކޮށްލެވުން އިރު ދެމީހުން ތިބީ މާނޭވާ ލެވިލެވިއެވެ. އޭރުވެސް ޔަޒަން ދިޔައީ ރުޅިން ތުރުތުރު އަޅަމުންނެވެ.
“ނާނާ ނުވަ އަހަރަށް ފަހު ކޯމާއިން ހޭލެވުނީ މީގެ ތިން ހަފްތާ ކުރިން..އަދިވެސް ފިޓް އެއް ނޫން..ޔަޒަން..ރުޅި އިސްކުރުމުގެ ކުރިން ފުރަތަމަ ވިސްނާލާތި ހުރިހާ ކަމަކާއި ދޭތެރޭގަ ވެސް.. އަކްރަމްބެ މިއަދު އެހެން ނެހެދި ނަމަ ހިއެއް ނުވޭ ނާނާ ވެސް ފެންނަން ހުންނާނެ ހެންނެއް.. އަހަންނަކަށް ވެސް ނުކިޔާ ދޭ ހުރިހާ ވާހަކައެއް..އޯލް އައިނޯ އިޒް އެދުވަހު ނިޔާވީ ނާނާގެ ޓްވިން ސިސްޓާ ކަން” މިހްރާންގެ ފަހު ޖުމްލައިން ޔަޒަން އައިސް ހުއްޓުނީ މިހްރާންގެ ކުރިމަތީގައެވެ. ނަވާރްއަށް އަނގަމަތީގައި އަތް އެޅުނު އިރު މިލީނާގެ ހާލުން ވަކިން ބޮޑެވެ.
އިށީންދެ އިން ސޯފާއިން ތެދުވެ މިލީނާ އައިސް ހުއްޓުނީ އާނާގެ ކުރިމަތީގައެވެ. ރޮއިގަނެފައި އާނާގެ ގައިގާ ބައްދާލަމުން މެޔާލާ ބޮނޑިކޮށްލިއެވެ. ދެމައިން ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު ފެންނަމީހަކު ވެސް ހިތްފަޅައިގެން ދާވަރުވެއެވެ. އެތައް ދުވަހަކަށް ފަހު އެންމެ ހީނުކުރާގޮތައް ދަރިފުޅު ލިބުނު އިރު މިލީނާއަށް މިވަނީ އިތުރު ހިތާމައެއް ބަރުދާސްތުކުރަން ޖެހިފައެވެ. އާނާގެ މުނުގެ އެތަންމިތާގައި ބޮސްދެމުންދިޔައިރު މަންމަގެ އޯގާތެރި ފިރުމުން އެތައް އަހަރަކަށް ފަހު އިޙްސާސް ކުރެވުމުން އިތުރަށް ހިތުގައި ޖެހުނެވެ.
ޔަޒަންގެ ގައިގާ ބައްދާލަމުން ނަވާރް އެ މޫނަށް ބަލައިލި ހިނދު، ޔަޒަން ނުރޯން ކުރަމުންދިޔަ މަސައްކަތް ފެނި ހިތްފަޅައިގެން ދާވަރުވިއެވެ. “ބީ ސްޓްރޯންގް” މަޑުމަޑުން ނަވާރް ބުނެލީ ހަމައެކަނި ޔަޒަންއަށް އިވޭ ވަރަށެވެ.
“މިލީ ހިތްވަރު ކޮށްލާފަ ދޭބަލަ ބައްޕަ ގޮވައިގެން އަންނަން..މަ ވެސް ބޭނުން ވޭ އެބަ މިކަން ކޮޅެއްގަ ޖައްސަން” އާނާގެ ގައިގާ ބައްދާލައިގެން ރޯން ހުރި މިލީނާ ދުރުކޮށްލަމުން އަކްރަމް ބުނެލިއެވެ.
“އެ ކީއްކުރަން” ދެލޯ ފުހެލަމުން މިލީނާ ދިޔަތަން ފެނި ޔަޒަންއަށް އަހައިލެވުނެވެ.
“އެއީ ހުރިހާކަމެއްގެ އަސްލަކީ..ހުރިހާ ނުބައެއްގެ ފެށުން..” ނުބުނަން ހުރެފައި ނަވާރް ބުނެލިއެވެ. އެހިނދު ހުރިހާ އެންމެންގެ ނަޒަރު އޭނާއަށް އަމާޒްވިއެވެ.
“ނަވާ.. އެއީ އަހަރެންގެ ކާފަ..ރެސްޕެކްޓް ހިމް..” ޔަޒަން ނަޥާރްއަށް ގޮވައިލީ ހިތްހަމަނުޖެހިފައި ހުރެއެވެ.
“ދޮންބޭ..އެއީ އަހަރެންގެ ވެސް ކާފަ.. ނަވާ އެބުނީ ދޮގެއް ނޫން..އެ ބަސްޓާޑް އާއި ހެދި މަންމަގެ މުޅި ލައިފް ކިރިޔާ ސްޕޮއިލް ނުވެ އެހުރީ…ނުވިތާކަށް އަހަރެންގެ..އޯލްރެޑީ ބައްޕަ އިޒް ގޯން އޮންލީ ބިކޯޒް އޮފް ހިމް” ޔަޒަން އަށް ވުރެން ބާރަށް، އާނާ ނަވާރްގެ ދިފާއުގައި ބުނެލިއެވެ.
އަކްރަމް އޭނާގެ ނަމުން ގޮވާލި ހިނދު ނަޥާރް އަށް އިސްޖަހައިލެވުނެވެ.
“ނަވާ..ކިހާ ވަރަކަށް އެނގޭ.” ، “އެނގެންޖެހޭ ވަރަށް ވުރެން މާ ބޮޑަށް ވެސް އެނގޭ” އަކްރަމްގެ ސުވާލަށް ޖަވާބު ދިން އިރު ވެސް ނަވާރް ހުރީ އިސްޖެހިފައެވެ.
“އަކްރަމް..އަކްރަމް..ބައްޕައެއް ނެތް..އެއްވެސް އެއްޗެއް ވެސް ނެތް .. ވީލްޗެއާ ވެސް އެބަހުރި” ދުވެފައި ކަހަލަ ގޮތަކަށް މިލީނާ އައިސް ހުއްޓުން އިރު އޭނާ ހުރީ ނުހަނު ހާސްވެފައެވެ. އަކްރަމް އާއި ޔަޒަން ވެސް ގޮސް އެ ކޮޓަރި ބެލި އިރު ޝަހްރޫޒްގެ ހިލަމެއް ވެސް ނުވެއެވެ.އެ ކޮޓަރިއާއި ޖެހިގެން ހުރި ނައުފަލްގެ ކޮޓަރި ބެލި އިރު ނައުފަލްގެ ކޮޓަރި ވެސް އޮތީ ހުހަށެވެ.
ޔަޒަންގެ ހިތުގައި ޝައްކު ހިނގާލީ އެހިސާބުންނެވެ. އޭނާގެ ޖީބުގައި އޮތް މޯބައިލް ފޯނު ނަގައި ގޭގެ ސެކިއިޓީ ކެމެރާގެ އެންމެ ފަހުގެ ފޫޓޭޖް ތައް ބަލަން ފެށިއެވެ. އެންމެ ފަހުން ފެންނަން އިނީ އާނާ އައިތާ ފަސް މިނެޓް ފަހުން ޝަހްރޫޒް އާއި ނައުފަލް ގޮސް ގޭގެ ކުރި މައްޗައް ވާހެން މަޑުކޮށްގެން އޮތް ކަޅުކުލައިގެ ވޭން އަކަށް އަރައި ނައްޓާލިތަނެވެ. ޝަހުރޫޒް ފައި މައްޗަށް ކޮޅަށް ހުރިތަން ފެނި ޔަޒަން އާއި މިލީނާ ހުރީ އަންތަރީސްވެފައެވެ. އަކްރަމް އަށް ކުރިންވެސް ޝައްކުވެފައި ހުއްޓަސް އޭނާގެ މޫނުމަތިން ހައިރާންކަމެއް ފެންނަން ހުއްޓެވެ.
ނަވާރްގެ މޫނުމަތިން އެއްވެސް ޝުއޫރެއް ފާޅުވާން ނެތް އިރު ހުރީ އެންމެ ކުރިން ވެސް ހުރިހެން އިސްޖެހިފައެވެ.
“ނަވާ ޔޫ ސުޑް ޓެލް ހިމް އެވްރީތިންގް..ވާވަރަށް ކޫ ބެހެއްޓިއްޖެ އެންނު އަނދިރީގަ” ނަވާރްގެ ކައިރިއަށް ހުއްޓިލަމުން ޒަޔާން ބުނެލި އިރު ނަވާރް މަޑުމަޑުން ބޯޖަހައިލިއެވެ. ނަވާރްގެ އުނަގަނޑުގައި ޒަޔާން އަތް އަޅުވާލަމުން ހުރިހާކަމެއްވެސް ރަނގަޅުވާނެއޭ ބުނާފަދައަކުން ޒަޔާން ވެސް ބޯޖަހައިލިއެވެ.
“ނަވާ..ކީއްވެ ކުރިން އެހެން ބުނީ..ޑިޑް ޔޫ ނޯ އެނީތިންގް އެބައުޓް އިޓް”އަކްރަމް އަނެއްކާ ވެސް އަހައިލިއެވެ. ނަވާރް އިސްއުފުލާ ބަލައިލުމެއް ނެތި ފޯނު ނަގައި އިއްވާލީ ކުރީ ދުވަހުގެ އޯޑިއޯ ރެކޯޑިންގްއެވެ.
އެ އިވިގެން ދިޔަ ހިނދު މުޅިތަން ހިމޭން ވެގެން ދިޔައިރު މިލީނާއަށް ސޯފާ މައްޗަށް ޖެހެވުނު އިރު އާނާ ގޮސް މިލީނާގެ ގައިގާ ބައްދާލައިގެން އިނެވެ.
އަކްރަމް އެއްފަރާތަކަށް ޖެހިލަމުން އޭނާގެ ފޯނު ނަގައި ގުޅާލީ ފަވާދުއަށެވެ. އިރުކޮޅަކަށް ދެމިގެންދިޔަ ފޯނު ކޯލް ނިންމާލަމުން އޭނާ އައިސް ހުއްޓުނީ މިލީނާގެ ގާތުގައެވެ.
”ހާސްނުވޭ..އޭނާއަށް މިފަހަރު ލާހިކެއްނޫން ފިލާކަށް..ފާސްޕޯޓު ބްލެކް ލިސްޓްއަށް ލާފަ އިންނާނީ.. ބޭންކް އެކައުންޓް ތައް ފްރީޒް ކުރަން ބުނެފިން..” އަކްރަމް ބުނެލިއެވެ.
“ކީއްވެ ދަރިފުޅާ ތި ކުރިން ނުދެއްކީ” ، “ކިހިނެތް ބައްޕާ ދައްކާނީ..އަހުމަދުބެ އަށް ކަމެއް ވެއްޖެނަމަ ޒެހޭ އަށް އަހަރެން ދައްކާނީ ކޮންމޫނެއް..ރިހާމްބެ އާއި ފޭސް ކުރަން ކެރޭނެތަ.. އަހުމަދުބެ ރަހީނުކޮށްގެން ބަހައްޓާފަ ހުރި ތަނެއްވެސް ނޭނގޭ..ޔަޒަން ކައިރީގަ ވެސް ވަރަށް ބުނަން ބޭނުންވި..އެކަމަކް އާނާއަށް އެހެން ހެދީ ކާފަ ކަން އެނގުނީމަ މަޑުން ނުހުންނާނެތީ ނުބުނީ.. އަހުމަދުބެއަށް އޭރުން ގޮތެއް ހަދާފާނެ… މި އޯޑިއޯ އިއްވި ނަމަވެސް ފެންނަން އެއްވެސް ހަގީގަތެއް ނެތިއްޔާ ކާކު ގަބޫލް ކުރާނީ..އަހަރެންގެ ފޯނަށް އަންނަ ކޮންމެ ކޯލް އެއް މެސެޖް އެއް ނައުފަލްއަށް އެނގޭ..މަށައް ހީވަނީ ޔަޒަން ގުޅިގަޑީގަ ދެއްކި ވާހަކަ އަޑުއަހައިގެން ކޮންމެ ވެސް ގޮތަކުން ފާރަލައިގެން ހެން އެދިޔަ ތާކަށް ދިޔައީ” އަކްރަމްގެ ސުވާލަށް ޖަޥާބު ދިން އިރުވެސް ނަވާރްއަށް ބެލެނީ ގާތުގައި ހުރި ޔަޒަންގެ މޫނަށެވެ. ކުރިއާއި ހިލާފަށް ޔަޒަންގެ މޫނުމަތިން ނަވާރްދެކެ ރުޅި އައިސްފައި ހުރިކަމުގެ އެއްވެސް ކުލައެއް ފެންނަން ނެތުމުން ނަވާރްގެ ހިތައް ހަމަޖެހުމެއް ލިބިގެންދިޔައެވެ.
“ނަވާ.. ތިނޫން އެހެން ދުވަހެއްގަ ޝަހްރޫޒްގެ ކަންތައް ފެނުނުތަ..” ނަވާރްގެ އަތުގައި ހިފާލަމުން ޔަޒަން އަހައިލިއެވެ. ނަވާރް ބޯޖަހައިލަމުން އެންމެ ފުރަތަމަ ޝަހްރޫޒް ފެނުނު ގޮތުގެ ވާހަކަ ކިއައިދިނެވެ.
”ޒެހެކްގެ މަންމައާއި ނަވާގެ ބައްޕައަށް ވި ގޮތް އެނގޭތަ..”އަކްރަމް އަހައިލުމާއެކު ނަވާރްއާއި ޔަޒަން ބޯޖަހައިލިއެވެ. ނަޥާރް ކިއައިދިނީ ޒެހެކް ކިއައިދިފައި ވާގޮތަށެވެ.
“އެހެންވީމަ ޝަރަފްއަށް އެނގޭނެ ހުރިހާ ކަމެއް..އެބުނާ ކެމެރާ ފޫޓޭޖްތައް ބައްޕައަށް ޝައްކު ޝަރަފްއަތުގަ ނެތް ކަމާއިމެދުގަ..ހީވަނީ ޒެހެކްގެ ސަލާމަތައް ބަލާފަހެން އެވެސް ފޮރުވައިގެން ހެން އެ ގެންގުޅެނީ..”އަކްރަމް އޭނާއަށް ހީވާގޮތް ބުނެލުމުން އެހެންމީހުންނަށް ވެސް އެކަމާއި ވިސްނާލެވުނެވެ.
“ކާކުތަ އެއީދޮށީ ފިރިހެން ދަރިއަކީ..މަންމައަށް ވުރެން ވެސް ލަންޑަންގަ ހުންނަ ދަރި ކުޑަ އެންނު..” ޔަޒަން އަށް ވިސްނާ ވިސްނާ ވެސް ބޮލަށް ނުވަނީ އެތަންކޮޅެވެ.
“މަންމައަކަށް ވެސް ބުނާނެ އެއްޗެއް ނޭނގެ..އަހަރެމެން ދެމީހުން ކަމަށް ހީކުރީ މަންމަ ވެސް.. މަންމަގެ އުމުރުން ސާޅީސް އަށް އަހަރު ވީ އިރުވެސް މިއީ އިވިފައި ވެސް ނުވާ ވާހަކަ ތަކެއް” ލޮލުން ކަރުނަތައް ފުހެލި ނަމަވެސް މިލީނާގެ ލޮލަށް ކަރުނަތައް ތާޒާކަމާއި އެކު ފުރާލައެވެ.
”ނުވަ އަހަރު ކުރިން ވީ ގޮތް ދޮންބެއަށް ކިއައިދީފާނަންތަ” ޔަޒަން ފުރަތަމަ ފަހަރަށް އާނާއާއި ވާހަކަ ދެއްކުމުން އާނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އާނާ ބޯ ޖަހައިލަމުން ބަލައިލީ އަކްރަމްގެ މޫނަށެވެ.
“ފުރަތަމަ ބައްޕަ ކަންނޭގެ ކިއައިދޭންވީ..މީގެ ސާޅީސް އަހަރު ކުރިން އެއީ..ޝަހްރޫޒް މިހާރު ލަންޑަންގައި އެ ހިންގަނީ އެންނު ކެލީކްލިކްސް ކިޔާ ކޮމްޕެނީއެއް…އެއީ ޔާމީންގެ ބައްޕަ އާނާއާއި ޔަޒަންގެ ކާފަ ޔަޒީދުބެ ކޮމްޕެނީއެއް..ޔަޒީދުބެ އަކީ ވަރަށް ހެޔޮމީހެއް…އެހެޔޮކަން ޔާމީންގެ ގައިގަ ވެސް އެހުންނަނީ..ޔަޒީދުބެއާއި މާ އެކުވެރިވެގެން އުޅެފަ އެކޮމްޕެނީ އިން މީނަ ޖޮބް ހޯދީ..ޔަޒީދުބެ އޭނާ ގެންގުޅުނީ ސެކްރަޓަރީއެއްގެ ގޮތުގައި..ޝަހުރޫޒްގެ ބޭނުމަކީ ޔަޒީދުބެ އެ މިންނެތް މަސައްކަތް ފޭރިގަތުން..އެހެން އުޅެފަ އެއްދުވަހު ޔަޒީދުބެ ސޮއި ކުރުމަށް ހުރި ޑޮކިއުމަންޓްތަކެއްގެ ތެރެއަށް ޝަހުރޫޒް ލާފައި އޮތީ ކޮމްޕެނީ އޯނާޝިޕް ޗޭންޖްކުރަން ލާފައި އޮށް ފޯމާއި ކޮމްޕެނީގެ ރަޖިސްޓްރީ ބަދަލްކުރަން އޮތް ފޯމް އަދި އެގްރީމެންޓް..އޭނާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ޔަޒީދުބެ ބަލައި ވެސް ނުލާ އެ ހުރިހާ އެއްޗެއްގައި ސޮއި ކޮށްލީ… އެދުވަހުން ދުވަހަށް ފައިލް ކަންތައް ނިންމައި އޭނަގެ ނަންމައްޗަށް ކެލީކްލިކްސް ބަދަލްކޮށްފި.. ޔަޒީދުބެ އަށް ހުރިހާ ކަމެއް އެނގުނު އިރު ހުރިހާ ކަމެއްވެ ނިމިއްޖެ..ކޯޓަށް ދިޔަސް ވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތް…އޭރު ޔަޒީދުބެ އާއި އަންހެނުން ޝަރީފާއްތަ ވެސް އުޅުނީ ލަންޑަންގަ ޔާމީން ގޮވައިގެން..އެމީހުންނަށް އެދުވަހު ޖެހުނީ ބިކަހާލް ..އަހަރެންގެ ބައްޕަ އަކީ ޔަޒީދުބެ ގާތް އެކުވެރިއެއް..އަހަރެންގެ ބައްޕައަށް ކޮންމެވެސް ގޮތަކުން އެ އާއިލާ ލަންޑަންގެ މަގުމަތީގައި ބިކަޙާލުގައި ތިބިކަން އެނގިގެން ގެނައީ ރާއްޖެ..ރާއްޖެއައި އިރު ޔާމީންގެ ބައްޕަގެ ގޭ ވެސް ޝަހްރޫޒް އޮތީ އަތުލާފަ…ދެން އަހަރެންގެ ބައްޕައަކީ މާލޭ މީހެއް..މާ މުއްސަނދި ނޫނަސް މާލޭގަ ގެ ހުރޭ..ބައްޕަ، އެ އާއިލާ ގޭގެ އެހެން ފްލޯއެއްގައި ބޭތިއްބި..ކުއްޔެއްވެސް ނުނަގާ.. އެހިސާބުން އަހަންނާއި ޔާމީންގެ އެކުވެރިކަން ވެސް ފެށުނީ..އެކަމެއް ވީ ފަހު ޔަޒީދުބެ އިންނަނީ ގަބު ވެފަ..އުމުރު ދުވަހު ކުރި މަސައްކަތް އެފަދަ ގޮތަކަށް ޝަހުރޫޒް ލޫޓުވާލީމަ އެހެންތާ ވާނީ….އެކަމާ ވިސްނާ ވިސްނާ ގޮސް ބޭބެ އަށް ހާޓް އެޓޭކެއް ޖެހިގެން ނިޔާވީ..އޭގެ މަހެއް ފަހުން އެކަމާއި ވިސްނާ ވިސްނާ ގޮސް ޝަރީފާއްތަ ވެސް ބޮޑު ބައްޔަކަށްވެ ލޭގެޕްރެޝަރު ހައި ވެ ސްޓްރޯކެއް ޖެހި މިދުނިޔެއާއި އަލްވަދާއު ކިޔައިފި..ވިސްނާލަ ޔާމީން ފަކީރު އުޅޭނެ ހާލު..އަހަންނާ ފަވާދް މީ އޭރުވެސް އެކުވެރިން..އަހަރެންގެ ފުށުން ޔާމީން އާއި ފަވާދްވެސް އެކުވެރިވީ… އަހަރެމެން ދެމީހުންނާއި އަހަރެންގެ ހާރިޒްބޭބެ އާއި މަންމައާއި ބައްޕަގެ އެތައް ހިތްވަރަކުން ނުދާން އުޅެނިކޮން ގަދަކަމުން ޔާމީން ބޭރަށް ކިޔަވަން ފޮނުވިން..އޭނާ އެކޮޅުގައި އަހަރެއް ވިތަނާ އަހަރެންވެސް ކިޔަވަން ދިޔައިން.. އޭރުވެސް ހާރިޒްބޭބެ އެކޮޅު ކިޔަވަމުން ދިޔައީ..ހާރިޒްބެ ވެސް ކޯހުގެ ސެމްބްރޭކަށް އައިތަނާ އެކަމެއް ހިނގީ..ދެން އެންމެން އެއްކޮން މިކޮޅަށް އައީ ކިޔަވާ ނިންމާފަ..މިކޮޅަށް އައިސް ވެސް ހާރިޒް ބެ އަނެއްކާ ދިޔައީ އެމެރިކާއަށް..އެތާގަ މަސައްކަތެއް ފަށަން..ދެން ޔާމީން ބޭނުންވީ އޭނާގެ އަމިއްލަ މަސައްކަތެއް ފަށަން..އެގޮތުން ކޭ އެލް އަކީ އޭނަގެ މިންނެތް ބުރަ މަސައްކަތް.. ނުލާހިކު ކާމިޔާބު އަލްހަމްދުލިއްލާހް..ޔާމީން ބިމެއް ގަނެފަ މިގެ ހެދީ ވެސް ވަރަށް ބުރަމަސައްކަތުން ހަމަ… އަހަރެން އަމިއްލަ މީހެއްގެ އޮފީހުގައި މަތީ މަގާމެއްގަ އުޅެމުން ވެސް ޔާމީންއަށް އެހީވަމުން ދިޔައީ..ޔާމީންގެ ބޭނުމަކަށް ވީ ޝަހްރޫޒް އަތުލައިގެން އުޅޭ ޔަޒީދުބެ ކެލީކްލިކްސް ކޮމްޕެނީ އަލުން އަނބުރާ ހޯދުން..އޭނާ ހުރީ މީހަކާ އިންނަން ވެފަ ހުރުމުން އިނދެ ނިމުމުން ޝަހުރޫޒް އަތުލައިގެން އުޅޭ ކޮމްޕެނީ ބަގުރޫޓް ކޮށްލައި އަލުން އެ ހޯދައި އެންމެ ކުރިން އެއޮތް ފެންވަރަށް އެ ކޮންޕެނީ ގެންދިޔުމަށް ވިސްނައިގެން…ޔާމީން އުޅުނީ މިލީނާއާއި އޭރު ވެސް ރައްޓެހިވެގެން.. ހަމަ އިއްތިފާގު.. އިންނަން ހުރިހާ ކަމެއް ނިންމާ ކައިވެންޏަށް އެދެން މިލީނާގެ އާއިލާއާއި ބައްދަލްކުރަން ދިޔަތަނާ ޝަހްރޫޒާއި ޔާމީން ދިމާވީ..އެދުވަހު އެނގުނީ ޝަހްރޫޒަކީ މިލީނާގެ ބައްޕަކަން..ޝަހްރޫޒްގެ މަކަރުވެރިކަމުން ކަމެއް ވީ ކަމަށް ވެސް ހަދާނުލާ އެދުވަހު ޔާމީން އާއި މިލީނާގެ ކައިވެންޏަށް އެއްބަސް ވީ..އެރޭ ގެޔަށް އައިސް ޔާމީން ވަރަށް ރޮވުނު..މިލީނާ ދެކެ ޔާމީން ނުލާހިކު ލޯބިވޭ..އަހަންނާއި ފަވާދު ބުނީ އިންނަން..ކައިވެނިކޮށްފަ ކޮންމެވެސް ދުވަހަކުން މިލީނާއަށް ކިއައިދޭނީއޭ ހުރިހާ ކަމެއް.. ޝަހުރޫޒް ގެ ކިބައިން ބަދަލް ހިފަން އަހަރެމެން ދެމީހުން ހިތްވަރު ދެން އެންމެ ކުރިން ސުރެން ވެސް..ދެން ވެސް ދިނިންހަމަ ހިތްވަރު..ދެން މިލީނާ އާއި ޔާމީން އިނީންސުރެން ޝަހުރޫޒް ދިޔައީ ޔާމީންއަށް އެތައް ގޮތަކުން ޖެއްސުން ކޮށް އިންޒާރްތައް ދެމުން..އެގޮތުގައި އަހަރެއް ފާއިތުވި ތަނާ ޒޭން ވެސް ލިބިއްޖެ.. ޝަހްރޫޒްގެ އިންޒާރްތަކައް އަޅާ ނުލާ ކެތްތެރި ވެގެން ޔާމީން ހުރީ ޒޭން އާއި މިލީއަށްޓަކައި.. ޔާމީންގެ ކޭ.އެލް އޮފީސް ހުޅުވި ދުވަހުން ސުރެން ނަވާގެ ބައްޕަ ޒަކީން އެއީ ޔާމީންގެ ސެކްރަޓަރީ..އެންމެ ކުރިންވެސް އެއީ ހެޔޮލަފާ މީހެއްކަން އެނގުނު..ޔަޒީދުބެއަށް ޝަހުރޫޒް ހެދި ގޮތުން ޔާމީން ހުރީ އެކަކަށްވެސް އިތުބާރު ނުކުރަން އެކަމަކު ޒަކީން ވަރަށް ތަފާތު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް..ބޮޑަށް ޒަކީންއާއި ޔާމީންއުޅުނީ އެކުވެރިންހެން.. ޔާމީންގެ ފުށުން އަހަންނާއި ފަވާދްއަށް ޒަކީން އާ ވެސް ރަހްމަތްތެރި ވެވުނީ..ދެން ހަމަ އޭގެ ފަހުން ހަތަރު މީހުންނަކީ އެކައްޗެއް..އެންމެ ގާތް އެކުވެރިން.. ޒަކީން ވެސް މީހަކާއި އިނދެގެން ދެކުދިން ލިބި އެކުދިން ގޮވައިގެން ވެސް އަންނާނެ.. ޒޭން ވަރަށް ލޯބިވާނެ ޒަކީ ދެކެ.. ދެން މިހެން ދަނިކޮން މިލީނާ އަނެއްކާ ޕްރެގް ވި.. ބަނޑަށް ހަތަރު މަސް ވި ދުވަހު ލޭ އަންނާތީވެ މިލީނާ ހޮސްޕިޓަލްއަށް ގެންދެވުނީ..އެތަނުން އެނގުން ބަނޑުބޮޑީ ތިންކުދިންނަށް ކަން އަދި އެއްކުއްޖެއް ބައިގެން ދިޔަކަން..ދެން ޑޮކްޓަރުން ބުނި އެގޮތައް ވީމަ ރިސްކް ހައިވާނެ ކަމަށް..ދެން މިލީނާ މާ ބޮޑަށް އެކަމާ ވިސްނާ ފިކުރުކުރާނަމަ ބްލަޑް ޕްރެޝާރ މަތިވެ ވަރަށް ގެއްލުންވާނެކަމަށް ބުނީ.. ދެން ޝަހްރޫޒް ވެސް ހުއްޓަ އެހެން ބުނީ..އޭނާ ކިޔައިފި މިލީނާއަށް ސިއްރުކުރާށޭ ދެކުދިންކަން ވެސް..އެހެންނޫނީ މިލީނާ ވިސްނާ ފިކުރުކޮށްގެން މާބޮޑަށް ކުދިންނަށާއި މިލީނާއަށް ގެއްލުމެއް ވެދާނެއޭ..ދުޝްމަނަކަށް ވިޔަސް ޔާމީންއަށް ވެސް އެގޮތާއި ރުހެވުނީ އެއީ އޭ އެންމެ ރަނގަޅު ގޮތަކީ ހީވެފަ..މިލީ ހިތުގަ މައްސަލަ ކުޑައިރުން ފެށިގެން ހުންނަކަން އެންމެން ވެސް ދަނޭ..އެހެންވެ އެގޮތައް ހަދަން އިތުރަށް މަޖުބޫރުވީ.. ދެން ބޭރުގައި ތިބެފަ އެހުރިހާކަމަކާއި އެއްބަސް ވީވެސް..އެވަގުތުވެސް ޝަހުރޫޒް ހުރީ މޮޅެތި ޕްލޭންތައް ކޮށްގެން..އެކަމަކު އަމިއްލަ ދަރިއަކަށް އޭނާ ގޯސްވެދާނެހެން ހީނުވާތީ އޭނާގެ މަގްސަދު ރެއަކާއި ނުލާ އަހަރުމެން އެކަކަށް ވެސް..” އަކްރަމް ވާހަކަ ދައްކަމުން ދިޔައިރު އެންމެން ތިބީ ބަސްހުއްޓިފައެވެ.އެކަކު ދުލަށް ވެސް ބުނާނެ ބަހެއް ނައިސްފައި ތިބިއިރު މިލީނާ އިނީ ގަބުވެފައެވެ. ނިއުޅެމުން މިދާ ހަގީގަތްތަކުގެ ސަބަބުން މިލީނާގެ ހިތާއި ސިކުނޑިއަށް ބާރުކުރަމުން ދިޔައީ އޭގެ އިންތިހާއަށެވެ.
“ޝަހްރޫޒްގެ މަގްސަދަކީ މި މުދާ ގަނޑު..ޔާމީންގެ ބައްޕަ މެންގެ މުދަލާއި ފައިސާ ކައިގެން ހުރެ އޭނާ ނިންމައިގެން ހުރީ ޔާމީންގެ ގެޔާއި ކޭ.އެލް އިންވެސްޓްމެންޓް ކޮމްޕެނީ ވެސް ފޭރެން..މިއީ އޭނާގެ ބޭނުމަކީ..އެހުރިހާ އެއްޗެއް އަތުލުމަށް ފަހު ކިތަންމެ ގިނަ ދަރިން ތިއްބަސް ޝަހްރޫޒް ނިންމައިގެން ހުރީ މިލީނާ އާއި ޔާމީން ދުރުކޮށްގެން އޭނާގެ ރަހްމަތްތެރި އެއްގެ ދަރިއަކާއި ދެވަން..އަނެއް ދެރަ ޔާމީންއަށް ދޭން ހުރީ ގަސްތުކޮށްގެން..ގިނަ ދަރިން ތިބީމަ މަޖުބުރުވާނެ ތީ މިލީނާ އެދެކުދިން ވިހެއީމަ އެގެޔާއި ހުރިހާ އެއްޗެއް ކުދިންގެ ނަންމައްޗަށް ބަދަލްކޮށްގެން ޔާމީން ބޭރު ކޮށްލަން ވިސްނުން ހުރީ..މިކަން އެނގުނީ ޒަކީންއަށް.. ޒަކީން ވެސް މިލީނާ ހޮސްޕިޓަލްއަށް ގެނައީމަ ނޫރާއާއި އެކު އައި އެދުވަހު ގޮވާލަން..އޭރު ނަވާއަށް ނޫރާވެސް ޕްރެގް..ޒަކީން ހޮސްޕިޓަލްއިން އިން ނުކުން ގަޑީގަ ތިކިޔާ ނައުފަލްގެ ބައްޕަ މުނީރް އާއި ޝަހުރޫޒް މާ އެކަހެރިކޮން ވާހަކައެއްގައި ތިބީ..ޒަކީން ބަހަނާއެއް ދައްކާ، އެތަނުން ނޫރާ ފޮނުވާލާފައި އެމީހުންނަށް ނުފެންނަ ހިސާބުގައި ހުރެ އެމީޙުން ދެއްކި ވާހަކަތައް އަޑުއެހީ.. ޒަކީންއަށްވެސް ޝަހުޜޫޒްގެ ނުބައި ވާހަކަ ޔާމީން ކިއައިދީފައި ހުރުމުން އެހެންވެ އޭނާ ޝައްކެއްވެގެން ފާރަލީ..އެތަނުން އެނގުނީ މިބުނި ކަންތައްތައް..ޒަކީން ކުރިކަމަކީ އެވާހަކަތައް އެނގުނުކަން އަންގާލަން އެމީހުން ވާހަކަ ދައްކާ ނިމުނީމަ ގޮސް ފެނިލީ އެމީހުންނަށް..އެދުވަހު އެއީ ޒަކީންއަށް އެޅުނު ވަރަށް ބޮޑު ޅަ އެއްޗެއް..އެތަނުން ޝަހުރޫޒް ވަރަށް އިންޒާރު ދިން ޒަކީންއަށް..އެކަމަކު ޒަކީންއަޅައެއް ނުލާ އޭނާ އެތާގަ ހުރެހުރެފައައީ..އަހަރެމެންނަށް ކިއައިދިން އެވާހަކަތައް ހަމަ އެރޭ..ދެން ޔާމީން ކިހާ ރުޅި އަންނާނެ..މިލީ ގެޔަށް ދޫކޮށްލީމަ އޭނާ ގޮސް ޝަހުރޫޒް އާއި ދިމާލަށް އެވާހަކަ ގޮވާލި..ބުނި ދުވަހަކު ވެސް ނުދޭނަމޭ މިގެއެއް ވެސް ކޮމްޕެނީއެއްވެސް.. ދެން ޝަހުރޫޒް އިންޒާރު ދިން ކަމަށް ވަނީ ނުދީފިއްޔާ ހޭ އަރުވާލާނެކަމަށް.. ޔަޒީދްއަށް ހެދިގޮތުން ޔާމީންގެ ހިތުގައި ބިރުވެރިކަން އުފެދި އެރެއިން އެރެއަށް އަހަރެންގެ ނަންމައްޗަށް މިގެއާއި ކޮމްޕެނީ ޔާމީން ބަދަލް ކުރި..ބުނި ޒޭން ބޮޑުވެގެން ކަންކަން އެނގޭވަރުވީމަ ހުރިހާ ވާހަކައެއް ކިޔައިދީފަ އަލުން ޒޭންގެ ނަން މައްޗަށް ބަދަލްކުރާށޭ..އޭގެ ފަހުން އަމާންކޮން ދިޔައީ މިލީނާ ވިހާ ދުވަސް ޖެހުނު އިރު ވެސް…އަހަރެމެން އެކަމަކު ސިހިސިހި ތިބީ ޝަހްރޫޒްއަކީ ކިހާ އަނިޔާ ވެރި ނުލަފާ މީހެއް ކަން އެނގޭތީ..ފައިސާގެ ދަޅަ ދައްކައިގެން ސަރުކަރުގެ ބޮޑެތި މީހުންވެސް އޭނާގެ މުށުތެރެއަށް ލައިގެން އުޅެނީ…ކޮންމެ ދުވަހަކު އެވަރަށް އިންޒާރުތައް ދޭ..އަހަރެންގެ ނަންމައްޗަށް ހުރިހާ ތަނެއް ބަދަލްކުރީމަ ވަރުގަދައަށް ބަދަލް ހިފާނެކަމަށް ބުނެފަ އޮތީ…މީހަކު ހައިރާނެއް ނުވާނެތަ..އޭނައަށް ކޮންބެހޭ ކަމެއް.. އެ ކޮމްޕެނީ ޔާމީންގެ ބުރަމަސައްކަތް…ދެން އާނާ މެން ވިހޭ ރޭ…އެރޭ ވީގޮތަކީ މިލީނާ ނުވިހައިގެން އޮޕަރޭޝަން ކުރުމަށް ލޭ ހޯދަން ޖެހުނު ހިނދު އަހަރެން ގައިގަ ބްލަޑް މެޗް ވާތީވެ އަހަރެން ގޮވައިގެން ޔާމީން ދިޔައީ ލޭނަގުވަން..ފޯމްތަކުގައި ފިރިމީހާ ސޮއި ވެސްކުރަން ޖެހޭތީ އެކަމުގަޔާއި ވެސް އެކު ޔާމީން ދިޔައީ..އެވަގުތު ކުއްލިޔަކަށް ވިހެއީ މިލީނާ..އޭރު ހުންނާނީ ޝަހުރޫޒް އެކަނިން ވިއްސާ ކޮޓަރި ދޮރުމަތީގަ..ޔާމީން ގުޅައިގެން ޒަކީން އާއި ފަވާދް އާއި ނޫރާ ތިބީ އައުމުގެ މަގުމަތީގަ.. އަހަރެން ލޭ ދީފަ އައިރު ޔާމީން ވެސް ފޯމްތަކާއި އުޅެފަ ނިމިގެން އައިސްފި.. އޮޕަރޭޝާން ކުރަން ހުރިހާ ކަމެއް ނިންމާފަ އޮއްވަ ވިހެއީ..އަހަރެމެން ދެމީހުން ދިޔައީމަ ޝަހްރޫޒް ބުނީ އެއް ބޭބީ މަރުވެއްޖެޔޯ..އަނެއް ބޭބީ އޯ ސަލާމަތް ވީ..މީނާ ހުރީ ވިއްސާ ކޮޓަރީގަ އެވަގުތު ތިބިމީހުންގެ ތެރެއިން ޑޮކްޓަރަކާއި ނަރުހެއް ގަނެލައިގެން.. ނަރުސް އަންހެނާކުރި ކަމަކީ މިލީނާގެ ދޮށީ އަންހެން ދަރިފުޅު ފޮރުވައި އެވަގުތު ވިހޭ އެހެން އަންހެނެއް ކުއްޖާ މަރުވެފަ އޮތީމަ އެކުއްޖާ ގެނެސް ދައްކާފަ ބުނީ މިއީއޭ މަރުވި ކުއްޖަކީ..ޝަހުރޫޒް ހުރީ މަރުވެފައޮތް ކުއްޖާގެ ޕޭރެންޓްސް އަށް ވެސް ލާރި ދީގެން ގަނެލާފަ.. ކިހާ ދެރަ..މަރުވި ކުއްޖާގެ މައިންބަފައިވެސް އެފަދަ ހިތްދަތި ވަގުތެއްގައި ވެސް ދަރިފުޅުގެ ބަދަލްގަ ފައިސާ ހޯދީ..އެވާހަކަ ބާއްވަމާ..މިކިޔާ ނަރުސް މީހާ ތި ފައިލްގަ ތީނީ..އޭނާ ވަޒީފާއިން ކަނޑާލާފަ ކޮންމެ މަހަކު ޕޭ ކުރާ ގޮތައް ބަލަން އާނާގެ އެއްބަޑު އެއްބަފާ ދައްތަ ޝަހުރޫޒް ހަވާލް ކުރީ އޭނާ އާއި…އެ ނަރުސް މީހާ ވަޒީފާއިން ވަކިކުރީމަ ހޮސްޕިޓަލް ތެރޭގަ އެދުވސްކޮޅު ވަރަށް ގޮތްގޮތައް ވާހަކަ ދެކެވުން ކަމަށް ވޭ.. ދެން އެ ނަރުސް އަންހެނާއަކީ ކުދިން ނުލިބޭ މީހެއް..އޭނާ އާނާގެ ދައްތަ ބެލީ ވަރަށް ރަނގަޅަށް.. އެކަމަކުކިހާ ބޮޑު އޮޅުވާލުމެއް..ހުދު އަހަރެމެން ވެސް ހީކުރީ މިލީނާގެ އެ ދަރިފުޅު ނިޔާވީ ކަމަށް..އެހެންނު ވާނީ ޑޮކްޓަރު ވެސް ދިނީ އެ ޖަވާބު..އަނެއްކާ ޝަހުރޫޒް ނުލަފަޔަސް މިލީއަށް ދެރަގޮތެއް ހަދާނެކަމަށް ކިހިނެތް ގަބޫލް ކުރާނީ… އެކަމަކު އާނާއަށް ދިމާވި ހާދިސާ ހިނގި ދުވަހު އެނގުނީ.. އެދުވަހު އަހަރެން ވެސް ހަމަ މި ފައިލް ގަ މިހުރި މައުލޫމަތުތައް ހޯދިން އެ ހޮސްޕިޓަލްގަ އުޅޭ ރަހްމަތްތެރިއަކު މެދުވެރިކޮން.. އެހިސާބުން ޔަގީންވީ.. މި ނަރުސް އަންހެނާއަށް ކިޔަނީ ސަކީނާ.. އާނާ ކެނެޑާއަށް ފޮނުވާލައިފާ އަހަރެން ބައްދަލް ކުރަން ދިޔައިން ސަކީނާ އާއި..ކުރެވުނު ކަންތައް ސަކީނާއަށް އޭރު ހުރީ ވިސްނިފަ..އޭނާ ބުނާ ގޮތުން އަހަރެމެންގެ ތެރެއިން މީހަކު އަންނަންދެން އިންތިޒާރުގައި އޭނާ ހުރީ.. ހުރިހާ ވާހަކަ އެއް ވެސް ކިއައިދިން އަދި ޝަހުރޫޒް އޭނާ އަށް ދިން ބްލޭންކް ޗެކް ވެސް މަގޭ އަތައް ދިން..ސަކީނާ ޗެކް ވެސް ބޭނުން ނުކޮށް އޮތީ..އަދިވެސް ހަމަ އެ އޮތްގޮތައް އޮންނާނެ އަހަރެންގެ އަތުގަ.. ސަކީނާ އުޅުނު އަމިއްލައަށް ހަވާލްވާން ޕޮލިހުންނާއި..އެކަމަކު އާނާ އޮތް ހާލުން ހުރިހާ ކަމެއް މަޑު ޖައްސައިގެން އަހަރެން މިހުރީ.. މިހާރު އެކަމަކު ހުރަހެއް ނެތް.. އެކަމަކު ޒެހެކްގެ މަންމައާއި ޒަކީން މަރާލީ ޝަހުރޫޒް ކަން ޔަގީންވި ނަމަވެސް އެކަން ހާމަ ވާ ވަރުގެ ހެއްކެއް ނެތް..އެހެންވެ އެމައްސަލައާއި ގެން ކުރިއަށް ދެވޭނެ ގޮތެއް ނެތީމަ މައްސަލައަކީ..” އަކްރަމްގެ ވާހަކަ ނިންމާލާފައި އެންމެ ފުރަތަމަ ވެސް ބަލައިލީ މިލީނާގެ މޫނަށެވެ. އިސްޖެހިފައި އިން އިރު މިފަދަ ގޮތަކަށް ހަގީގަތް ނިއުޅިގެން ދިޔުމުން މިލީނާގެ ހިތައް ކުރާނެ އަސަރު ކިތައްމެ ހާ ވެސް ބޮޑަކަށް އޭނާއަށް އެނގެއެވެ.
އިސްޖެހިފައި އިން އިރު މިލީނާގެ ހިތްހީވީ ތޫނު އެއްޗަކުން ތޮރުފާހެންނެވެ. މިލީނާ ވިހާފައި މަންމަ ނިޔާވުމުން އެއްވެސް ކަމެއް އުނިވިއަ ނުދީ ޝަހުރޫޒް އެކަނިމާ އެކި މިލީނާ ބަލާބޮޑުކުރި ހަނދާން އޭނާ ނުނެތެއެވެ. ނަމަވެސް އެއީ ހުސް ޝަހްރޫޒް ދެއްކި އަޥާމެންދުރުތާއެވެ. ޝަހުރޫޒްގެ ނުބައި ނުލަފާކަން ހާމަވެ މިލީނާގެ ހިތުގައި މިހުރިހާ އަހަރެއް ވަންދެން ބައްޕައަށް އޮތް ސާފް ސީދާ ލޯބި ހިނދުކޮޅެއް ތެރޭގައި ބަދަލްވެއްޖެއެވެ. އޭނާގެ ހިތް ދިޔައީ ނަފްރަތުގެ ގިނި އަލިފާނުން އަނދަމުންނެވެ. ޝަހްރޫޒަށްޓަކައި ހިތުގައި އޮތް އިޙްތިރާމެއް ވިއްޔާ ވަޔަށް އަރައިގެން ގޮސްފިއެވެ. ޝަހުރޫޒް އޭރު އޭނާއަށް އެ ދެއްކި ބަފައިވަންތަ ކަމުގެ ލޯބި ހިތި ޒަހަރަށް ވުރެން ހިތިކަން މިއަދު މިލީނާއަށް އިހްސާސް ވެއްޖެއެވެ. އެހިތިކަން އޭނާގެ ކަރުބުޑުގައި ވެސް ލައިފިއެވެ.
“އާނާގެ ދައްތައަށް ކިއަނީ ކޮން ނަމެއް..” ، “އައިނާ..އެދުވަހު މަރުވީ އައިނާ” މިހްރާންގެ ސުވާލަށް އަކްރަމް ޖަވާބުދިނެވެ.
ޔަޒަންއާއި އާނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައިރު މަންމަގެ ހިތުގައި އަޅާނެ ވޭން އަންދާޒާވެސް ނުކުރެވެއެވެ. ޔަޒަންގެ އުނަގަނޑުގައި އަތް އަޅުވައިގެން ނަވާރް ހުރިއިރު އޭނާއަށްވެސް ރޮވެމުންދިޔައެވެ.
“މުނީރްއަކީ ނައުފަލްގެ ބައްޕަތަ…ކޮބާ މުނީރް މިހާރު..” ޒަޔާން އަހައިލިއެވެ.
“އާން މުނީރްގެ ދަރިއެއް ނައުފަލް އަކީ..ޝަހުރޫޒްއަށް އެންމެ ކުރިން ސުރެން ނައުފަލްގެ ބައްޕަ މުނީރް ގެންގުޅުނީ މިހާރު ނައުފަލް އެގެންގުޅޭހެން ހުރިޙާ ކަމަކަށް އެސިސްޓްކޮށްގެން.. މަސްތުވާތަކެތީގެ މައްސަލައެއްގައި ރާއްޖެއިން މުނީރް ޑީޕޯޓް ކޮށްލީމަ ޝަހްރޫޒް އެގެންގުޅެނީ މިހާރު ނައުފަލް ގެނެސްގެން..ޝަހުރޫޒް، ނައުފަލް ގެންގުޅޭތާ ސާދަ އަހަރު މިވީ.. މަށައް އެނގޭ ނައުފަލް ފުރަތަމަ ފެނުން ދުވަހު ވެސް މުނީރްގެ ދަރިކަން..އެމީހުން ގަންނަ ގަނޑެއް ބަލަން މިހުރީ މަ ވެސް މިފަހަރު..ވަރަށް ވިސްނައިގެން މިހުރީ..” އަކްރަމްގެ ޖަވާބު އިވިފައި މިލީނާއަށް ވެސް އިސްއުފުލައިލެވުނެވެ.
“ކިހިނެތް އައިނާއަށް ވީ..”ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލަމުން ޔަޒަން އަހައިލިއެވެ.
“މިބުނީނު ދޯ ސަކީނާ ބެލި ވާހަކަ އައިނާ..ޝަހުރޫޒް އެދެމީހުން ބެހެއްޓީ ހުޅުމާލޭގަ..އެހެންވެ އާނާ އަކަށް ވެސް ޒޭންއަކަށް ވެސް މިލީއަކަށް ވެސް ފެންނާނެގޮތެއް ނީންނާނެ އެންނު.. އެނގެއެންނު ޒެހެކް ބައްޕަ ޒެހެކް ގެންގުޅުނު ގޮތް..ޝަހުރޫޒް މެންނަށް ފޮރުވައިގެން ނުނެރެއެންނު.. އެކަމަކު ޝަރަފް ވެސް ޒެހެކް ކިޔަވަން ސުކޫލަށް ފޮނުވިތާ ދޯ.. އެކަމަކު އައިނާ އަށް އެނަސީބުވެސް ނުލިބުނު..ސަކީނާއަށް މަޖުބޫރުކޮށްގެން ޝަހުރޫޒް އައިނާ ގެންގުޅުނީ..ސަކީނާ ޝަހުރޫޒްއާއި ދެކޮޅުވާނެ އަބަދުވެސް..އެހެންވެ ޝަހުރޫޒް އާއި ދެކޮޅަށް ކަމެއް ކޮށްފިނަމަ އައިނާ މަރާލާނެކަމަށް އިންޒާރު ދީފަ އޮންނަނީ..ސަކީނާ ވަރަށް ލޯބިވި އައިނާ ދެކެ..އެހެންވެ އައިނާއަށް ގެއްލުމެއް ލިބިދާނެތީ އޭނާ ހުރީ ސިހިސިހި…އައިނާ ގޮވައިގެން މިލީނާގެ ކައިރިޔަށް ގޮސްފިނަމަ މި އާއިލާ މަރާލާނެ ކަމަށް އިންޒާރުވެސް ދިން..އެހެންވެ އޭނާއަށް ވެސް ހުރިހާ ކޮޅަކުން މަޖުބޫރުވި..ސަކީނާ ދެއްކި ޝަހުރޫޒް ކޮށްފަ ހުރި މެސެޖާއި ނޯޓްތައް ވެސް…އައިނާ އަކީ އާނާގެ އިދިކޮޅު..ވަރަށް މަޑުން ހުންނަ ކުއްޖެއް ކަމަށްވަނީ..އައިނާ ވަރަށް ދެރަވެގެން ރޮއުނު ކަމަށް ވަނީ ހަގީގަތް އެނގުނު ދުވަހު..ސަކީނާގެ ހެޔޮކަމުން އައިނާ ހީކޮށްގެން ހުރީ އެއީ ކަމަށް އަސްލު މަންމައަކީ..އެކަމަކު ޔާމީންއާއި މިލީނާގެ ފޮޓޯ ދައްކާފަ ހުރިހާ ކަމެއް އޮޅުން ފިލުވައި ދިނީމަ އެފަކީރް ދެރަވާނެނު..މަންމައާއި ބައްޕަ އާއި ދޮންބެ އަކާއި ކޮއްކޮ އެއް ހުންނަކަން އެނގުނީމަ އުފާވެސް ވި އެކަމަކު ކިހާ އަސަރުކުރާނެ ދުރުގަ ހުންނަން ޖެހުނީމަ.. ސަކީނާ ބުނިގޮތުން ވިއްޔާ އައިނާ އޭރު ދުވަސްކޮޅެއް ވެއްޖެ ގެއިން ފިލައިގެން އާއިލާ އާއި ބައްދަލް ކުރުމަށް ދާން ޕްލޭން ކުރާތާ..އެކަމަކު އެގޭ ގަ ސައުވީސް ގަޑި އިރު ސެކިއުރިޓީ އިން ތިބޭ..ހުސް ޗަހުރޫޒްގެ މީހުން.. ޝަހުރޫޒް އާއި ހެދި ސްކޫލަށް ކިޔެވުމަށް ވެސް އައިނާ ނުފޮނުވޭތާ ސަކީނާއަށް ވެސް ނުނިކުމެވޭ ގެއިން… އައިނާ މަރުވި ދުވަހު ވީގޮތަކީ ޝަހުރޫޒް އެދުވަހު އެގެޔަށް ދިޔަ ތަނާ އައި ފޯނު ކޯލެއް..އައިނާ ހުރީ ފާރައަށް..ހުއްޓާ ޝަހުރޫޒް ފޯނުގައި ހުރެގެން ބުނި އަޑު އިވުނީ މިރޭ މީ އާނާ މަރާލާނެ ރެއޭ..ރެސްޓޯރެންޓާއި ގަޑި ވެސް ބުނި ކަމަށް ބުނި..އާނާ މަރާލައިފަ އައިނާ ތްރޫކޮށްގެން ޔާމީންއަށް އިންޒާރުކޮށްގެން ކޮމްޕެނީ އަތުލާނެ ވާހަކަ ދެއްކީ…އެހިސާބުން އައިނާ އިތުރަށް މަޑުކުރަން ބޭނުން ނުވީ..ޝަހުރޫޒް ދިޔުމުން ވަގުތުން ގޮސް ސަކީނާއަށް ހުރިހާ އެއްޗެއް ކިއައިދިން.. ވަގުތުން ސަކީނާ ވެސް ބޭނުމެއް ނުވި އިތުރު ފުރާނައެއް ދުއްވާލާކަށް.. ދެމީހުން ގަސްތުކުރީ ފުރާނަ އަތައް ލައިގެން ނަމަވެސް މިލީނާމެންނާއި ހަމައަށް ވާސިލްވާން..އެހެންވެ ޝަހުރޫޒްއާއި ސިއްރުންކުޑަ ދޮރުން ނުކުމެ ފިލަ ފިލައިގެން ގެޔާއި ދުރުގަ ޕާކް ކޮށްފައި އޮތް ސަކީނާއަށް ސަހުރޫޒް ހަދިޔާ ކުރި ކާރުގަ އައިނާ ގޮވައިގެން ފުރަތަމަ ދިޔައީ ހުޅުމާލޭ ޖަލުގައި ހުރި ޔާމީންގެ ގާތައް ..ޔާމީންއާއި ބައްދަލްކޮށް ހުރިހާ ވާހަކަ އެއް ސަކީނާ ކިއައިދީފަ އައިނާ އާއި ބައްދަލްކުރުވި..އެދުވަހު ކޮންމެފަދަ ގޮތެއް ވިޔަސް ހެޔޮކަމަށް މިލީނާއާއި ބައްދަލް ކުރުމަށް ދިޔުމަށް ޔާމީން ވެސް ބާރު އެޅުވީ ސަކީނާއަށް..އެހެންވެ ދެމައިން ކާރުގައި އަނެއްކާ ވެސް އައީ މިގެއަށް ޔާމީން ގާތުން މިގެ އިންތަން ހޯދައިގެން..އޭރު މިހުރާންގެ ބައްޕަ މާޖިދު އުޅޭނީ ޖަލު ބަލަހައްޓާ އޮފިސަރަކަށް..މާޖިދު އާއި ޔާމީން ގުޅުން ރަނގަޅުވާނެ.. ކަންދިމާ ކުރިގޮތުން މާޖިދު ހުރީ ޑިއުޓީގަ..އޭނާގެ ނަމްބަރު ސަކީނާއަށް ދީފަ ކަމެއް ވެއްޖެނަމަ ހަބަރުދޭން ޔާމީން އޭނާ ކައިރީގަ ބުނީ.. އޭރު ޝަހުރޫޒަށް މައުލޫމާތު ލިބިފަ މިއޮތީ އައިނާ ގޮވައިގެން ސަކީނާ ފިލިކަން..އެގޭގެ ސެކިއިރިޓީން ތިބިވާހަކަ ބުނީމެންނު.. އެމީހުން ގެޔަށް ވައިން ވަގުތު ހުޅުވާފަ ހުރި ކުޑަދޮރުތައް ފެނުނީ..ދެން ކެމެރާތައް ބެލީމަ ފިލިކަން އެނގިގެން އެހެންވެ އެމީހުން އަންގައިގެން ސަޙްރޫޒްއަށް ނައުފަލްއާއި އެކު މިގޭ ކުރިމައްޗަށް އާދެވުނީ ސަކީނާ ވެސް ކާރުގައި މިތަނަށް މަޑުކޮށްލި ވަގުތު..ގޯސް ހިނގީ އެހިސާބުން..ސަކީނާއަށް ކާރުން ނުފޭބެނީސް އައިނާ ހަލުވިކަމާއެކު ގޮސް ޝަހުރޫޒް ކުރިމައްޗަށް ހުއްޓި އެފަކީރަށް އަނގަވެސް ހުޅުވާ ނުލެވުން ޝަހުރޫޒް ޖީބުންނެގި ފިޔޮހި ހަރައިލީ އައިނާގެ މެޔަށް..އައިނާ ތިރިއަށް ވެއްޓުނު އިރު ނައުފަލް އެރި އެކުއްޖާގެ ބޮލަށް ފައިންވެސް.. އެވަރުން ހިތްނުފުރިގެން ހަށިގަނޑުން ފުރާނަ ދަންދެން ކަރުގައި ހިފާ ނޭވާ ހާސްކުރުވި..ސަކީނާއަށް ހުރެވުނީ ޝޮކެއްގައި..ދެން އެމީހުންއައީ ސަކީނާއާއި ދިމާލަށް.. އެއްވެސް މީހަކަށް އައިނާގެ މަރުގެ ވާހަކަ އެނގިއްޖެނަމަ ސަކީނާގެ ދުވަސްވެފައިވާ މަންމަގެ ފުރާނަ ދުއްވާލާނެ ކަމަށް ބުނެ އިންޒާރު ކުރީ.. ސަކީނާ ބުނި ޝަހުރޫޒް ބުނެފައޯ ދިޔައީ މަރުވެއްޖެއްޔާ އެކަކަށް ވެސް ނޭނގޭގޮތައް އައިނާ ވަޅުލުމުގެ ކަންތައް ކުރަން..ސަކީނާ އެކަމް ބޭނުމެއް ނުވި އެހެން ހަދާކަށް.. އޭނާވެސް އިތުރު ކަމެއް ކުރެވޭވަރަށް ހާލު ދެރަ ފުރަތަމަ ވެސް ގުޅީ އެމްބިއުލޭންސްއަށް..ހޮސްޕިޓަލަށް ދަމުން ޔާމީން ދިން ނަމްބަރަށް ގުޅާފަ ކިއައިދިން ވީގޮތް..އެއި މާޖިދުގެ ނަމްބަރު.. ދެން މާޖިދުގެ ފޯނުން، މަށައް ޔާމީން ގުޅާފަ ކިއާދިން ކުޑަގޮތަކަށް.. ޔާމީންއަށް ވެސް ރޮވޭ ވާހަކަ ދެއްކި އިރު.. ..އަހަންނަށް ވެސް ޝޮކެއް ލިބުނީ..އެތަނުން އެނގުނީ އާނާ ގެ ޓްވިން މަރުނުވާކަން..އެހެންވެ އައިނާ ގާތައް ދާން ނުކުމެ ނުކުމެ ހުއްޓާ އާނާ ގަޔަށް ވަޅި ޖަހައިގެން ހޮސްޕިޓަލަށް ގެންދިޔަ ހަބަރު ނޫރާގެ ފަޜާތުން ލިބުނީ..އަހަރެން އާނާ ކައިރިޔަށް އައިސް އައިނާ ގާތައް ފޮނުވާލީ ފަވާދު..އިއްތިފާގުން ދެކުދިން ގެންދެވުނީ އެއް ހޮސްޕިޓަލަކަށް.. ފަވާދު މަށައް ގުޅާފަ ބުނި އައިނާ މަރުވެފައޭ އޮތީ ގެނެވުނު އިރު ވެސް.. ދެން އާނާ ވެސް ވަރަށް ސީރިއަސް.. އަހަންނާ ފަވާދު އާއި ޔާމީންއާއި ވާހަކަ ދެއްކުމަށްފަހު ފެނުނު ގޮތަކީ އައިނާއާއި އާނާގެ ބޮޑީ އެކްސްޗޭންޖް ކޮށްލަން..އެއީ ޔާމީން ބޭނުންވި އާނާއަށް ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންދަން..އެހެން އެދުވަހު ނުހެދިނަމަ މިއަދު އާނާ ވެސް ގެއްލުނީސް…އާނާ ބެލި ޑޮކްޓަރަކީ ފަވާދުގެ ގާތް މީހެއް..އެހެންވެ ވަރަށް ފަސޭހައިން އެކަން ވި..އޮޕަރޭޝަން ތީއޭޓާރު ތެރެއިން ދެކުދިން ބަދަލްކޮށްލީ..އާނާ މަރު ނުވަނީސް މަރުވެއްޖެޔޭ ބުނަން ޖެހުނީ މިސަބަބުތަކާއި ހުރެ…މިއީ ވީގޮތަކީ..އައިނާ އާއި އާނާ ވައްތަރު ކަމުން އޮޅޭހާ ވޭ..އެހެންވެ އެދުވަހު ނޭނގުނު އެކަކަށް ވެސް އެއީ އާނާ ނޫން ކަމެއް..ދެން އޭރުވެސް މަށެއް ނުދެކެން ސަކީނާއެއް..ފަވާދުއަށް އޭނާ ފެންނާނީ..ފަވާދު ސަކީނާ ގެޔަށް ފޮނުވާލައިފި އެހެން މީހަކަށް ކަމެއް ޝައްކުނުވަނީސް..އަހަރެން ބުނިން ފަވާދު ގާތު ސަކީނާ ކައިރީގައި ބުނާށޭ އައިނާ ވަޅުލުމުގެ ކަންތައް އެކަކަށް ވެސް ނޭނގޭހެން ނިންމައިފީމޭ މިހެން ޝަހުރޫޒް ކައިރީގައި ބުނާށޭ..ދެން އޭނަ ޝަހްރޫޒް ކައިރީގަ އެހެން ބުނީމަ އެހެންވެ އޭނާ އަދި އަދަށްދާން ދެން އެހުރީ އެގޮތައް ގަބޫލް ކޮށްގެން.. ޝަހުރޫޒްއަށް ނޭނގުން ހިނަވައި ކަފުން ކޮށްފަ އޮތްއިރުވެސް އެއީ އާނާ ނޫންކަމެއް” އަކުރަމް ހުރިހާ ވާހަކައެއް ކިއައި ދީ ނިމުން އިރު އެތަނުގައި ނުރޯ އެކަކުވެސް ނެތެވެ. ހުރިހާ އެންމެން ހިތްތައް ގެނބިގެންދިޔައީ މިލީނާގެ ގިސްލުމުގެ އަޑުންނެވެ. އެހުރިހާއިރު އޭނާ ހާދަ ކެތް ކޮށްފިއެވެ. އަމިއްލަ ލޭ ހިނގާ ދަރިފުޅަށް ބައްޕަގެ ހައިސިއްޔަތުން ދޭން ހައްގުވި އިނާމަކީ މިއީ ހެއްޔޭ އެހިތާ ސުވާލްކޮށްލެވުނެވެ.
“އެ ނުބައި ޖަނަވާރް މަރުވާނީ މަގޭ އަތުން..އަހަރުމެންނާ އެކުއްޖާ ބައްދަލް ކޮށްލާނެ އެންމެ ފުރުސަތެއް ވެސް ނުދިން” ޔަޒަން ހަޅޭއްލަވައިގަން އިރު ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. އެހާލުގައި ނަވާރްއަށް ވެސް ގެއްލުމެއް ދެވުނަސް ނޭނގޭތީ ޒަޔާން ނަވާރް ދުރުކޮށްލަމުން ޔަޒަންގެ ގައިގާ ފަހަތުން ހިފަހައްޓައިގެން ހުއްޓެވެ. އޭނާގެ ދެލޮލުން ވެސް ފެންތައް ފައިބަމުން ދިޔައެވެ.
“މަޖާ ތަންކޮޅަކީ މިގޭ ދޮރުމަތީގައި އެހެން ހެދިއިރު އޭނާއަށް ނޭނގުނީ މިއީ ކެމެރާ ހަރުކޮށްފަ ހުރި ގެއެއް ކަން..އެހެރީ ކިތަންމެ ފުސްކޮން ފެންނަން ހުރި ނަމަވެސް ދިމާލަށް ފެންނަން..އަދި އަދަށް ދާންދެން ވެސް އޭނައަކަށް ނޭނގޭނެ އޭރުވެސް މިގޭގަ ކެމެރާ ހުރިކަމެއް..އާނާ ކެނެޑާއަށް އެރޭން އެރެއަށް އަހަރެމެން ފޮނުވާލިން..ފަވާދުގެ ދޮށީ ދަރިފުޅާއި އޭނާގެ އަންހެނުންނާއި އެއްކޮން..އެކުދިންވެސް ކިޔަވާ ނިމިގެން ރާއްޖެ އަންނަން ވެފަ އޮއްވަ އެކަމެއްވީ..އަނެއްކާ އަހަރެމެން އަންގައިގެން އެކުދިން އެކޮޅުގަ މަޑުކޮށްފަ މިހުރިހާ އަހަރެއްގައި އެކުދިން އާނާއަށް ޓްރީޓް ކޮށްގެން ބެލީ..ރުޙާން އާއި ސަދުވާ ވާހަކަ މިބުނީ..އެރޭ ކެނެޑާއަށް ފުރާވަފަ އަހަރެން ދިޔައީ ފުރަތަމަ ވެސް ސަކީނާއައި ބައްދަލް ކުރަން..ދެން ޔާމީންގެ ގާތައް ދިޔައީ..ޔާމީން އެދުނީ އޭނާއަށް ކަމެއް ވެއްޖެނަމަ މިލީނާ އާއި ކުދިން ބިކަ ނުކޮށްލާ ބަލައިދިނުމަށް..ދެން ގެޔަށް އައިސް ސަކީނާގެ ގާތުން ލިބުނު މައުލޫމާތުތައް ގަބޫލް ނުކުރެވިގެން ކެމެރާ ބަލައިލީ..އެޔަށް އެބަހުރި އައިނާ މަރާލައިފަ ގޮސް ސަކީނާގެ ކަރުގައި ޝަހުރޫޒް ހިފާތައް ވެސް އަރާފަ..ދެން މިއަށް ވުރެން ބޮޑަށް ޔަގީނެއް ނުޥާނެ އެހެންނު..ހަނދާންކުރާތި މިލީ އެ ވީޑިއޯ ބަލަން ނުކިޔާތި..އަހަންނަށް އެނގޭނީ އެބަލާފަ އަހަރެން ރުއި ރުއިން..އެ ވޭން ތަހައްމަލް ކުރާނެހާ ވަރެއް މިލީގެ ގަޔަކު ހުންނާނެ ހެންނެއް ހިއެއް ނުވޭ..ތިއީ އެކުއްޖާ ދުނިޔެއަށް އުފަންކުރި މައިމީހާ” އަކްރަމް ރޮވިފައި ހުރެ އިތުރަށް ބުނެދިނެވެ. އަކުރަމް ދެން އެދުނީ އާނާ ގާތުގައި ގެއިން ނުކުމަންނަން ޖެހުނު ހާދިސާ ކިޔައިދިނުމަށެވެ. މިލީނާގެ ހާލަތު ހުރި ގޮތް ފެނި އާނާއަށް ރޮވެމުން ދިޔަނަނަމަވެސް ކެތްތެރި ވެލާފައި އެވާހަކަ ކިޔައިދިނެވެ.
*****
(ނުނިމޭ)