ކައިވެނީ ކުރެވެން ފެށި، ގާޒީ ކައިވެނީގެ ހުތުބާ ލައިދީ ނިމުމުން ޔަޒަން ބަލައިލީ ނަވާރް އާއި ދިމާލެވެ. އޭރު ނަވާރްގެ ނަޒަރު ވެސް ވަނީ ހުއްޓިފައެވެ. ޔަޒަން “އަނބި ގަބޫލް ކޮށްފީމޭ” ބުނެލީ ސީދާ ނަވާރްގެ ދެލޮލުގެ ތެރެއަށް ގެނބެމުންނެވެ.
އެވަގުތު ކައިރީގައި އިން ޒަހުރާންގެ އަތައް ނަވާރްއަށް ބާރަށް ފިތައިލެވުނެވެ. ކޮއްކޮގެ އިހުސާސްތައް ދެނެގަނެވި ޒަހުރާންވެސް ނަވާރްގެ އުނަގަނޑުގައި އަނެއް އަތް ވަށާލައިގެން އިނދެ މަރްހަބާ ކިއެވެ.
ފަހަރަކު މީހަކު މަރްހަބާ ކިޔަމުން ދިޔައެވެ. އެންމެން ކައިރިން ސަލާމަތް ވެ އެމީހުން ތިބެން ހަމަޖެހިފައި ހުރި ސްޓޭޖް ކޮޅަށް އެރިއެވެ. “ހެޔޮނުވާނެ ދެމީހުން އުނަގަނޑުގައި ހިފާލައިގެން ތިބެބަލަ..” ނަވާރް އާއި ޔަޒަން ގޮސް އެތާގައި ހުއްޓިގެން ތިބި ގޮތުން މީޝަމް އަށް ނުހުރެވިގެން ގޮސް އެންމެފަހުން ބުނެލައިފިއެވެ.
ޔަޒަން ހީލައިގެން ހުރެ މީޝަމް ބުނި ގޮތައް ހެދިއިރު ނަވާރް ހުރީ ލަދުގަންނަ ގޮތްވެފައެވެ.
މުޅި ހޯލާއި އެމީހުން ތިބޭ ހިސާބުވެސް ވަނީ ހުދާއި މުށިކުލައިގެ އެކި ކުލަތަކުން ޖަރީކޮށްފައެވެ. އެކިކަހަލަ ލައިޓްތައް ބޭނުންކޯށްފައި ހުރި އިރު ނުހަނު ފުރިހަމައެވެ. ޕާޓީއަށް އަންނަމުން ދިޔަ މެހެމާނުން ވެސް ތަނުގެ ފުރިހަމަ ކަމުން އާޝޯވެފައި ތިއްބެވެ.
އެންމެ ގިނަ ބަޔަކު އާޝޯހް ކުރުވީ ހޯލުގެ މުޅި ބިންގަނޑު ފޮރުވޭވަރަށް އަޅާފައި ވާ ހުދު ފިނިފެންމާ ފިޔައާއި ހޯލުގެ އެކި ދިމާލުގައި ބަހައްޓާފައިވާ ބަބްލްސް މެޝިންތަކުން ތަނައް ދޫކުރަމުންދިޔަ އެތައް ބައިވަރު ބޮކިތަކުގެ ސަބަބުންނެވެ.ޕާޓީއަށް ފަހު އާޓިފިޝިއަލް ބީޗްގައި ހަޥާ އެރުވުން އޮންނަކަން އެނގޭތީ ގިނަ ބަޔަކު އެކަމަށް ދިޔައީ އިންތިޒާރު ކުރަމުންނެވެ.
ނަވާރްގެ އުނަގަނޑުގައި ޔަޒަން އަތް އަޅުވާލައިގެން ތިބިއިރު ކޮންމެ މެހެމާނެއްގެ ތައުރީފް އެދެމަފިރިންނަށް އޮހެނީ ނުހަނު ބޮޑަށެވެ.
މީޝަމް އާއި ޒެހެކް ތިބީ ގޮނޑިތަކުގައި އިށީނެދެއެވެ. ދެ މީޙުންވެސް މުށިކުލައިގެ ވިދާ ފޮތީގެ މެކްސީތަކުގައި ލުއި މޭކަޕް ކޮށްލައިގެން ތިބި އިރު ނުހަނު ފުރިހަމަ އެވެ. އެދެމީހުން އެހެން ހުއްޓާއި އަޒާން އާއި އަޒާންގެ ލޯބިވެރިޔާ ދީމާ ވެސް އައެވެ.
“ތެދެއް މިބުނީ އެންމެން ހާދަ ދިމާ ކޮށްފިޔޭ.. ހެހެހެ.. އަޒާންގެ މަންމަ އަހަރެން އަތުން ދޫ ވެސް ނުކޮށްލި.. ނަވާ މަންމަ ވެސް ބުނަނީ އަޒާން ކަންނޭގެ ޔޯ ދެން ނިންމާނީ..އެކަމަކު އޭނާ ނުވެސް ކިޔައޭ އިންނަ ވާހަކަ ވެސް..” އެމީހުން ކައިރީގައި ތިބެތިބެފައި އަޒާން ދިޔުމުން ދީމާ ހެމުން ހެމުން ކިޔައިދިނީ ދެންމެ އަޒާން މުރުޝިދާއަށް ދީމާ ތައާރަފް ކޮށްދިން ވާހަކައެވެ. މީޝަމް އާއި ޒެހެކް ވެސް ހީލިއެވެ.
“ދީމް ބުނާކަށް.. އެއްވަރު މީހުން މިއުޅެނީ އެހެރި ސޮރު ވެސް އިންނަ ވާހަކަ ދައްކަނީ އެހެން މީހުން ކައިރީގަ .. މަ ކައިރީގަ އެއް ނޫން އަދި..” ދުރުގައި ޒަޔާން އާއި މިހުރާން އަދި އަޒާންގެ ކައިރީގައި ހުރި ރިހާމް އަށް ބަލައިލަމުން ޒެހެކް އަނގަހަދައިލިއެވެ. ދީމާ އާއި މީޝަމް ހޭންފެށީ ޒެހެކް އަނގަޔަށް ޖައްސާލި މަޖާ ވައްތަރަކުންނެވެ.
“އެހެންވެއޭ އަހަރެން ބުނަނީ ސިންގަލް ލައިފް އިޒް ބެޓާ..” މީޝަމް ނޫން ކަމަށް ހަދާލައިފާ ދުރުގައި ހުރި ޒަޔާން އަށް ބަލައިލިއެވެ އޭރު އޭނާގެ ނަޒަރު ވެސް މީޝަމް އަށް ހުއްޓިފައިވާތަން ފެނި މީޝަމްގެ މޫނު ރަތް ވިއެވެ.
“އާވްވް ސަމްވަން އިޒް ބްލަޝިންގް..އަދި ބުނެފިއޭ ސިންގަލް ލައިފް އޭ..” މީޝަމް އާއި ޒަޔާންގެ ނަޒަރު ދިމާ ވެފައި ވާތަން ފާހަގަ ވުމުން ޒެހެކްގެ ގާތައް އައީ ނުލަފާ ހިންޏެކެވެ. ދީމާ އަށް ވާނުވާ ނޭނގިގެން އަހަން ފެށުމުން ޒެހެކް ފަހުން ބުނާނަމޭ ބުނެ ހަމަ ޖައްސާލީ އެދިމާލަށް އެމީހުން އަންނަތަން ފެނިއެވެ.
ރިހާމް އާއި ޒަޔާން އަދި މިހުރާން ހުދު ގަމީހާ މުށި ކުލައިގެ ޓްރައުޒާގައި ރީތި ކަމުން ޕާޓީއަށް އައިސްއޫޅޭ ޒުވާން އަންހެންކުދިން އާޝޯހުވެފައި ބަލަން ތިއްބެވެ. ހާއްސަކޮން ޒަޔާން އަށް ބަލަމުންދިޔަ އަންހެން ކުދިން އިތުރެވެ. އެކަމާއި މީޝަމް ރުޅިގަދަވެފައި ހުއްޓާއި ވަރުގެ ކޮޅަށް ނަލަ ހެދިގެން އައި ޝިއުރާ ފެނި މީޝަމްގެ ރުޅިގަނޑު ވީ ހައްތަހާ އިތުރެވެ. އޭނާ އާއެކު ހުރި ލާރާ ފެނި އޭރު ޒެހެކް ވެސް ރުޅިގަދަ ވެފައިހުރެ ރިހާމް ގާތު އެއްޗިހިތަކެއް ކިޔަމުންދިޔައެވެ.
“ޔަގީން ލާރާ އިންވައިޓް ނުކުރަނީސް މިތަނަށް އައިސްގެން މިއުޅެނީ ނަވާ އާ ކޫ ގެ މިއޮތް ސްޕެޝިއަލް ނައިޓް މުޅިން ހަރާބުކޮށްލަން ހިތުލައިގެން..އަހަންނެއް ނުހުންނާނަން މަންޒަރު ބަލާކަށް.” ޒެހެކް ރުޅިގަދަވެފައި ހުރެ އެދިމާލަށް ދާން ފެށުމުން ރިހާމް އޭނާ ހުއްޓުވަން އުޅުނެވެ. މީހުން ގިނަ ކަމުން އިތުރު މަންޒަރެއް އުފެދޭކަށް ރިހާމް އެވަގުތު ބޭނުމެއް ނުވިއެވެ. ޒެހެކް ކިތަންމެ މަޑުން ހުންނަ ކުއްޖެއް ކަމުގައި ވީ ނަމަވެސް ޒެހެކްގެ އެއަންނަ ސިންގުރުޅި އަކީ ރިހާމް ދަންނަ އެއްޗެކެވެ.
“ރިހާމް ތަ އޭނަ އަށް އިންވިޓޭޝަން ދިނީ..އެހާ ވަރުން ތި ހިފަހައްޓަނީ… “ރިހާމް ހިފެހެއްޓުމުން ޒެހެކްގެ ރުޅިވެރިކަމާއި ރިހާމް އަށް ކުރިމަތިލާން ޖެހުނެވެ. އޭނާ ވަގުތުން އަތް ދޫކޮށްލައިފާ އެދިމާލަށްދާން ހިނގައިގަތެވެ. އެކަމަކު އޭނާއަށް ވުރެން ކުރިން ޒަޔާން ގޮސް ލާރާ ގާތު ހުއްޓިއްޖެއެވެ.
ޝިއުރާ އާއެކު ހުރި ލާރާ ހުރީ ޝިއުރާ ތައްޔާރުވެގެން އައި ގޮތާއިމެދު ހިތްހަމަ ނުޖެހިފައެވެ. ނުހަނު ކުރުހެދުމެއްގައި ހުރިއިރު ސިފަ ވަކި ނުވާ ވަރަށް ހުރީ މޭކަޕް ކޮށްލައިގެންނެވެ. އެއާއި ހިލާފަށް ލާރާ ހުރީ ހުސްކަޅުގެ ދިގު މެކްސީއެއްގައި އެވެ. އިސްތަށިގަނޑު ފަހަތައް ދޫކޮށްލައިފާ ހުރި އިރު ލާރާގެ ރީތިކަން ހާމަވެއެވެ. އޭނާ ދެލޯ ހޯދަމުން ދިޔައީ ޔަޒަންއެވެ. ދުރުގައި ވާ ސްޓޭޖް ކޮޅުމަތީގައި ނަވާރްގެ އުނަގަނޑުގައި ހިފާލައިގެން މެހެމާނުންނާއި ސަލާމް ކުރަމުން ދިޔަ ޔަޒަން ފެނި ލާރާގެ ހިތައް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ. ނަވާރްގެ މޫނަށް ބަލައިލަނީ ވެސް އެހާ ލޯބިންނެވެ. ދޭތެރެއަކުން ނަވާރްގެ ކަންފަތް ދޮށުގައި ޔަޒަން ކޮންމެވެސް އެއްޗެއް ބުނެލުމުން ނަވާރް ވެސް ހީލައިފާ ޔަޒަންއާއި ދިމާ ބަލައިލަނީ ހިތްބަންޑުން ވާފަދައަކުންނެވެ. ދެމީހުންގެ އެކުދި އަދާތަކުން ދެމީހުންގެ ހިތުގައި އެދެމީހުންނަށް އޮތް މަތިވެރި ލޯބި ހާމަވެއެވެ. އެ މަންޒަރަކީ ލާރާއަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ނަވާރްގެ ބަދަލްގައި އެތާގައި ހުންނަން ޖެހޭނެ މީހަކީ އޭނާއެވެ. ޔަޒަން އަކީ އޭނާގެ ހައްގެކެވެ. ހިތައް ވަންނަމުންދިޔަ ވަސްވާސްތަކުން ލާރާ އަވަސް އަވަހަށް ދެފަރާތައް ބޯހޫރު ވާލިއެވެ. ނޫނެކެވެ. ޔަޒަންގެ ހިތުގައި ޖައްސާފައި މީގެ ދިހަ އަހަރުކުރިން ދިޔަ މީހަކީ އޭނާއެވެ. މިއަދު އޭނާއަށް ލިބެމުން މިދާ ހިތްދަތިކަމަކީ އަމިއްލައަށް ހޯދައިގަން ކަންކަމެވެ. ލާރާ އަވަސް އަވަހަށް ދެލޮލުން ފޭދިފައިވާ ކަރުނަތިކިތައް އިތުރު މީހަކަށް ނުފެންނަނީސް ފުހެލިއެވެ.
“އިންވައިޓް ނުކުރާ މީހުން ޕާޓިއަށް އައުމަކީ ވަރަށް ހުތުރު ކަމެއް … އަހަރެން ކޮއްކޮ އާ ކޫ ގެ ވެޑިން މިތާގަ މިއެންމެން ތެރޭގަ ސްޕޮއިލް ނުކޮށްލާ އަތުގައި ތި އޮތް އެތި ހިފައިގެން ހަމަ މިޙާރް ނުކުމޭ..” ލާރާގެ ގާތައް ހުއްޓުނު ޒަޔާން ލާރާގެ އަތުގައި އޮތް ކުޑަވަރެއްގެ ޕާރްސަލް އަށް ބަލައިލަމުން ބުނެލިއިރު އޭނާގެ މޫނުމަތީގައި ވީ އިންޒާރް ދޭ ފަދަ ކުލަވަރެކެވެ.
“ސޮރީ ޒަޔާން.. އަހަރެން ވެސް މިތާގަ މާގިނައިރަކު މަޑުކުރާކަށް ނެތިން މި ހަވާލްކޮށްލަ ދެއްޗޭ.. އަހަރެން އެއްވެސް މީހަކަށްއުނދަގުލެއް ކުރާކަށް ނޫން މިއައީ… ދެން ގޮސްލީ އިނގޭ..” ހިތި ހިނިތުންވުމެއްގައިހުރެ ކައިރީގައި އިން ކުޑަ މޭޒެއްމަތީގައި ޕާރްސަލް ބައިންދާލަމުން ލާރާ އެތަނުން ނުކުގެން ދިޔައެވެ.
ލާރާ ދިޔުމުން ވެސް ޝިއުރާ ނުދާން ހުރިތަން ފެނި އެއްޗެއް ބުނަން އަނގަހުޅުވާލި ޒަޔާން ރުޅިގަދަވީ ދުރުގައި ހުރި މީޝަމް އާއި ނުހަނު ގާތުގައި ހުރި ސަދަފް ފެނުމުންނެވެ. ހީހީފައި ދެމީހުންވާހަކަ ދައްކަމުން ދިޔަތަން ފެނި ޒަޔާންގެ އެތެރެހަށީގައި ހުޅު ރޯވަމުން ދިޔައެވެ. ސަދަފް ހެމުން މީޝަމްގެ ކޮލުގައި ވެސް ހިފާލުމުން ޒަޔާން އިތުރަށް ރުޅިގަދަވެއްޖެއެވެ. ޝިއުރާހުރެފައި ޒަޔާންގެ އަތުގައި އަތް އަޅުވާލުމުން ވެސް ޒަޔާން ދުރުނުކޮށްލާ ހުރީ އެ މަންޒަރު މީޝަމް އަށް ދައްކަން ބޭނުންވި ވަރުންނެވެ.
ސަދަފް އާއެކު ހުރި މީޝަމް އަށް ޒަޔާން އާއި ޝިއުރާގެ އެ މަންޒަރު ފެންނަން މާގިނަ އިރެއް ނުނެގިއެވެ. މީޝަމްގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައިރު ކައިރީގައި ހުރި ސަދަފް އަށް ވެސްއެމަންޒަރު ފެނިއްޖެއެވެ. ވީ ގޮތް ނޭނގުނު ނަމަވެސް ޝިއުރާ ފެނި އޭނާގެ ދެބުމަ ވެސް ގޮއްޖަހައިލެވުނެވެ.
“އޭނާ ކީއްކުރަންތަ އެހުރީ އައިސްގެން.. ކަޒިންސް އަށް ވެ ހުރެ ވެސް ޒަޔާން އަށް ހަމަ ނުފެންނަނީ ތަ އެދުވަހު އޭނާ މީޝް އަށް ހެދި ގޮތް..” ސަދަފް ކިތަންމެ މަޑުން ވާހަކަ ދެއްކިނަމަވެސް އޭނާގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ.
…
ޕާޓީގެ ކަންތައް ނިމި މެހެމާނުން މަޑުމަޑުން ހުސްވެ ހަމަ އެކަނި ގާތް ރަހުމަތްތެރިންނާއި އާއިލާ އެކަނި ވިއެވެ. ޕާޓީއަށް އައި މެހެމާނުންނާއި ސަލާމް ކުރުމަށް ހޭދަވި ވަގުތައް ވުރެން ފޮޓޯ ސެޝަންގެ ވަގުތުތައް މާގިނަ އިރު ވިހެން ހީވިއެވެ. ޔަޒަން އާއި ނަވާރް ތިބީ ދެފައި ވާޅުވެފައިއެވެ. ދެ މީހުންނަށް ހަމަޖެހިފައިވާ މޭޒު ކައިރީގަ ތިބެ ކައިގެން ގެޔަށް ދާން އުޅުނު ވަގުތު ޔަޒަންގެ ރަހުމަތްތެރިން ޔަޒަން ގެންދިޔައެވެ. އެމީހުން ކައިރިން ސަލާމަތް ވެ ގެޔަށް ދާން ކާރަށް އެރޭ ވަރު ވީ ދޭއް ޖަހާ ބޮޑުވި ފަހުންނެވެ.
“ޔޫ ލުކް ސޯ ބިއުޓިފުލް…ޓަޔަޑް ދޯ..” ކާރުގައި އިނދެފައި ޔަޒަން ނަވާރް އާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލި ހިނދު ނަވާރް ކޯތާފަތައް މަޑު ފިޔާތޮށި ކުލައެއް ފާއްދާލައިފިއެވެ.
“ތެންކިއު..ޔާހް ކުޑަކޮން” ކިރިޔާ ބަނޑަށް އިވޭ ވަރަށް ބުނެލި އިރު މިލީނާ އާއި އަކުރަމް ވެސް ތިބުމުން ދެމީހުން ކުރެ އެކަކު ވެސް އިތުރު ޥާހަކައެއް ނުދައްކައެވެ. ދޭތެރެއަކުން މިލީނާ އާއި އަކުރަމްގެ ވާހަކައިގައި ބައިވެރި ވެލައެވެ.
ގޭގެ ފޯޓިކޯ އަށް ކާރު މަޑުކޮށްލުމުން ރޭގަނޑުގެ ސަލާމް ކިޔުމަށް ފަހު މިލީނާ އާއި އަކުރަމް ނިދާފައި އޮތް ޒައިލީ އާއި ޒެލީން ގޮވައިގެން އެތެރެއަށް ވަނެވެ.
“ލެޓްސް ގޯ..” ކުޑަ ހިނިތުން ވުމެއްގައި ހުރެ ޔަޒަން ނަވާރްގެ ހެދުމުގެ އެއްބައި ހިފައިލީ ނަވާރް އަށް އެހީ ވުމުގެ ގޮތުންނެވެ. ދެމީހުން ސިޓިންގްރޫމް ހުރަސް ކޮށް ކޮޓަރިއަށް ދިޔުމަށް ސިޑިއަށް އެރިވަގުތު ސިޓިންގްރޫމުގައި ތިބި ޝަހުރޫޒް އާއި ސާކިރް ވާހަކައެއް ދައްކަން ތިއްބާ ފެނުނެވެ. ޔަޒަން ކާފާ އޭ ކިޔާ ގޮވާލުމުން ވަގުތުން އެމީހުން ދައްކަން ފެށި ވާހަކަ ހުއްޓާލިއެވެ. އަދި ގޮތަކަށް ހުރެފައި ހީލަމުން ޝަހުރޫޒް ޔަޒަން ގާތު ތިއައީ ހޭ އަހައިލިއެވެ. ޔަޒަން ވެސް ބޯޖަހައިލުމަށްފަހު އިރުކޮޅަކު އޭނާއާއި ވާހަކަ ދައްކާލަން މަޑުކުރިއެވެ. ޝަހުރޫޒް ނަވާރް އާއި ވެސް ނިކަން ލޯބިން ވާހަކަ ދެއްކިއެވެ.
އެމީހުން ކޮޓަރިއަށް ވަން އިރު އެތެރެ ފެނި އާޝޯހް ވިއެވެ. ބިންގަނޑު ފޮރުވާލައިފައި ވަނީ ރަތް ކުލައިގެ ފިނިފެންމާ ފިޔައިންނެވެ. އުއްބައްތި ސްޓޭންޑް ތަކާއި ހުދު ލޭސް އައި ރަތާއި ހުދު ފިނިފެންމާ ބޭނުން ކޮށްގެން މުޅި ކޮޓާރިއާއި އެނދުމަތި ވެސް ވަނީ ނުހަނު ފުރިހަމަ އަށް ތައްޔާރު ކޮށްފައެވެ.
ނަވާރް އަށް އެންމެ ކަމުދިޔައީ ކޮޓަރީގެ ހުރިހާ އެއްޗެއް ހުދުކުލައިން ހުރުމުންނެވެ. އާސޯހް ކަންމަތީގައި މުޅި ކޮޓަރި ބަލަމުންދިޔައެވެ. އޭރު ނަވާރް އުޅެމުންދިޔަ ގޮތުން ޔަޒަން ވެސް ހެވިފައި ބަލަން ހުއްޓެވެ.
“ކޮބާ ނިމުނީތަ ބަލާ ހެހެހެ..” ނަވާރް ސިހުނީ ޔަޒަންގެ އަޑުންނެވެ. ލަދުގަންވަރުން އަނގަޔަށް ގޮތެއް ހަދާލައިގެން ހުރެ އޭނާ ނިދަން ވީ ކޮންތާކުހޭ އަހައިލިއެވެ..
“ޔޫސް ބެޑް .. އައިލް ބީ އިން ސޯފާ ..” ޔަޒަން އިޝާޜާތް ކޮށްލީ ދުރުގައި ހުރި ހުދުކުލައި ފުޅާ ސޯފާއަށެވެ.
ނަވާރް ވެސް ބޯޖަހައިލައިގެން ހުރެ އޭނާ ލާނެ އައްދިގު ޓީޝާޓްއަކާއި ހަރުވާޅެއް ހިފައިގެން ފާހާނާއަށް ވަނެވެ. ފާހާނާ ވެސް ހީވަނީ ކުޑަވަރެއްގެ ކޮޓަރިއެއްހެންނެވެ. ގޭގައި ނަވާރް ނިދި ކޮޓަރިވެސް ވާނީ އެހާ ވަރޭ ހިތައް އެރިއެވެ. އެގެޔަށް ދެފަހަރު އައި ނަމަވެސް ޔަޒަންގެ ކޮޓަރިއަށް ނުވަންނާތީ އޭނާއަށް އެފެނުނީ އަލަށެވެ. ރީތިކަމުން އެތައް އިރަކު ތަންތަން ބެލުމުގައި ހުއްޓެވެ. މޫނުމަތީގައި ހުރި މޭކަޕްތައް ސާފް ކޮށްލުމަށްފަހު ފެންވަރާލައިގެން ނިދަން ނެގި ސާމާނު ލައިގެން ނަވާރް ލޯގަނޑު ކުރިމަތީގައި ހުއްޓި އަމިއްލަ ސޫރައަށް ބަލައިލިއެވެ.
“އަލްހަމްދުލިއްލާހް ..އިޓްސް އަ ނިއު ބިގްނިން..ފައިނަލީ އަމް މެރީޑް..އޯހް ގޯޑް ޔަޒަން އާ ސޭމް ރޫމެއްގަ ނިދަން ޖެހިފަ މިއޮތީ.. އާހް އައި ކާންޓް..އޭނާ ފެންނައިރު މިހިރަ ވާ ގޮތްތަކެއް.. ހީ މޭ ތިންކް އަމް ކްރޭޒީ..އަދި މި ދެ ކޯގަނޑު ވެސް ފާޑާކަށް ރަތްވެއޭ..ވަރަށް ފޫހިވޭ..” އަމިއްލަ ނަފްސަށް އިވޭވަރަށް ވާހަކަ ދައްކަމުން ނަވާރް ދެކޮލުގައި ހިފައި ދަމައިގަތެވެ. އޭނާއަށް އަނެއްކާ ޔަޒަން ދެކެ ލޯބި ވެވެނީބާއޭ ހިތާ ސުވާލް ކޮށްލެވުނެވެ. ޔަޒަން ފެންނައިރު އޭނާއަށް ވާން މިފަށާ ގޮތްތަކުން ހިތުގައި ސުވާލް އުފެދިއްޖެއެވެ. އެހެން ހިތައް އެރުމުން އަވަހަށް އަވަހަކަށް ދެފަޜާތައް ބޯ ހޫރައިލެވުނެވެ. ކައިވެނީގެ މަގްސަދު ހިތާ ސިކުނޑިއަށް ނަވާރް އަނެއްކާ ވެސް ހަނދާން ކޮށްލަ ދިނެވެ.
ނަވާރް ނުކުން އިރު ޓީޝާޓަކާއި ސޯޓެއްގައި ޔަޒަން ސޯފާގައި ހަމަޖެހިލައިގެން އޮތެވެ. އޭރު އެނދުމަތިގައި ހުރި މާތައް ވެސް ނަގާފައި އެތަން ނަވާރް އަށް ނިދޭނެހެން ޔަޒަން ހުރީ ސާފްކޮށްދީފައެވެ. ޔަޒަންގެ ބޮލުން ފެނުގެ އަސަރް ފެނި އޭނާގެ މޫނުމަތިން ތާޒާކަން ފެނުމުން ނަވާރް އަށް ސުވާލް ކޮށްލެވުނެވެ.
“މި ރޫމާއި ޖެހި ޖެހިގެން މިހުރި ހުސް ރޫމެއް.. އެތަނުން ފެންވަރައިގެން މިއައީ”ހީލައިފާ ޔަޒަން ޖަވާބު ދިނެވެ. ނަޥާރް އެހެންހޭ ބުނެ އޭނާ ފާހާނައިގާ ލަސްވުމުން މާފަށް އެދުނެވެ.
” އެކަމެއް ނޫނޭ.. ދެން ނިދާލަ އަވަހަށް ވަރަށް ޓަޔާޑް އެންނު…ކަމެއް ބޭނުން ވަންޏާ ބުނެލައްޗޭ…” ނަވާރްގެ ދެލޮލަށް ބަލައިލަމުން ޔަޒަން ބުނެލިއެވެ. ތެތްކޮން އޮތް އިސްތަށިގަނޑު ލާފައި ހުރި ޓީޝާޓްގައި ހިފާލައިފާވާ ގޮތުން ނަވާރްފެންނަނީ ތަފާތުކޮންނެވެ. އެދޮން މޫނުމަތިން ފެނިގެން ދިޔަ ތާޒާ ކަމަކުން ޔަޒަންގެ ހިއްސުތަކަށް ވާންވެލި ކަމުގެ އިހްސާސްވެސް ކުރުވިއެވެ. ނަވާރް ނިދަންވެގެން އެނދަށް އެރުމުން ވެސް ދޭތެރެއަކުން ޔަޒަން އަށް ނަވާރް އާއި ދިމާ ބަލައިލެވެއެވެ.
***
ހެނދުނު މީޝަމްއަށް ހޭލެވުނީ އެހެންޔާ ހޭލާވަރަށް ވުރެން ލަހުންނެވެ. ޑިއުޓީއަށް ދިޔުމަށް ގަޑިޖެހެން ކުޑަތަންވެފައި ހުރުމުން މީޝަމް ސައިވެސް ނުބައި ތައްޔާރުވެލައިގެން ލިފްޓަށް އަރަން އައެވެ. ގަޑި ނުޖެހި އިނީ ބަރާބަރު ވިހި މިނެޓެވެ. މަގުމަތީގައި މިގަޑިގަ ނުހަނު ޓްރެފިކް ކަންތައްވެސް ބޮޑުވާނެއެވެ. މިހުރާންވެސް ނިދާފައި އޮތުމުން އުނދަގު ކުރާކަށް މީޝަމް ބޭނުމެއް ނުވިއެވެ.
ލިފްޓް އައުމުން އެއަށް އަރަމުން އޭނާ ގުޅާލީ އަޒާން އަށެވެ. އޭނާ ފޯނު ނުނެގުމުން ރިހާމް އަށް ގުޅާއިލިއެވެ. ލިފްޓް ހުއްޓުމުން މީޝަމް ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ލިފްޓަށް އެރިއެވެ.
“އާދެބަ އަޅުގަނޑު ޑިއުޓީއަށް ލައިދޭން .. މިއަދު ތަންކޮޅެއް ލަހުން ހޭލެވިގެން ގަޑިޖެހިދާނެތީ މިއުޅެނީ..” ރިހާމް ފޯނު ނެގުމާއި އެކު ނިކަން އަވަހަށް މީޝަމް ބުނެލައިފިއެވެ. ރިހާމް މިހުރީ ތިރީގަ އޭ ބުނުމުން އޯކޭ އޭ ބުނެ ފޯނު ކަނޑާލި ވަގުތު ލިފްޓް ތެރޭގައި އޭނާއާއި ދިމާ ކަޅި ޖަހާނުލާ ބަލަން ހުރި ޒަޔާން ފެނި ސިހިފައި ހަޅޭއްލަވައި ގަތެވެ. މޭގައި އަތް އަޅާލައިގެން ދެލޯ ބޮޑުކޮށްލައިގެން މީޝަމް ހުރި އިރު ޒަޔާން ހަމަ އެހުރިގޮތައް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ވީ އިމާރާތުން ކަރަންޓް ކެނޑިގެން ލިފްޓް ހުއްޓުމަކަށް އައި ވަގުތެވެ. މިހާރުއެއީ އާންމު ކަމަކަށް ވާތީ ދެމީހުން ކުރެ އެކަކު ވެސް އެކަމާއި އަޅާ ނުލާ ހުއްޓެވެ. ތނަށް ލިފްޓްގައި ހުރި އެމަޖެންސީ ލައިޓްގެ ފަނޑު އަލި ވަނީ އޭރު ފެތުރިފައެވެ.
މީޝަމްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައީއިއްޔެގެ ހާދިސާ ހަދާންވުމުންނެވެ. ދެވަނަ ސިކުންތުގައި ރޭގައި ޒަޔާންއާއި ޝިއުރާ ތިބިގޮތް ފެނި ރުޅިވެރިކަން އޭނާގެ މޫނުން ފެނިލިއެވެ.
“ސަދަފް ކީއްވެ ނައީ އޮފީހަށް ޑްރޮޕް ކޮށްލަދޭން..ރޭގަ ވެސް ސަދަފް އާއެކު އުޅުނީމަ އެހެން މިއަހާލި..ތަނަކުން ފިރިހެނަކު ފެންނައިރަށް އެމީހެއްގެ ގޮތް ނޭނގެނީސް ހާދަ އަވަހަކަށް ތި އެކުވެރިންނަށް ހަދަނީ” ޒަޔާންގެ ވާހަކަ ހުރިގޮތުން މީޝަމް ހިފަހައްޓައިގެން ހުރި ރުޅިގަނޑު ހިލިއްޖެއެވެ. ޒަޔާން ހީވަނީ މިއަދު އޭނާ އާއި ޒުވާބުކުރަން ހިތުލައިގެން ހުރިހެންނެވެ.
“ޒަޔާން ކީއްކުރަން ބަލާ ވަރެއް… މިއޮތް ހުރިހާ އަހަރަކު އަނގައިން ނުބުނެ ހުރުމަށްފަހު މިއަދު އަނގައިން ބުނީތީވެސް ތިއުޅެނީ މަށާ ޒުވާބުކުރަންތަ..އަހަރެން ކޮންމެ މީހަކާއި ގުޅުން އޮތަސް ޒަޔާން އަށް ކީއް.. ހަމަ ތިހެން ބުނެވޭނެ މަށަށް ވެސް..ސިއުރާއަކީ ކާކުކަން އޮޅިފައެއް ނޯންނާނޭ.. މަގޭ ލައިފްގަ އެކުވެރިންނަށް ހަދާނީ މަ ބޭނުން މީހެއް.. ޒަޔާން އަކަށް ނުބެހެވޭނެ..” ދަތްކުނޑި ވިކާލައިގެން ހުރެ މީޝަމް ބުނެލި އިރު އޭނާގެ މޫނުމަތިން ފެނިގެންދަނީ އިންތިހާ ރުޅިވެރިކަމެވެ.
މީޝަމްގެ ވާހަކަ ހުރި ގޮތުން ޒަޔާން ގާތައް ވަރަށް ރުޅިއައެވެ. “މަ އިއްޔެ ވެސް ގައިމް މީޝަމް އާ ވާހަކަ ދެއްކިން.. މަށައް ބެހެވޭނެ.. މިއަދަށް ފަހު އޭނާއާ އަނގައިން ބުނެގެން ވެސް ނުވާނެ ..ހަނދާން ކުރާތި..” އިނގިލި ދިއްކޮށްލަމުން ޒަޔާން ބުނެލީ އިންޒާރެއް ފަދައިންނެވެ.
“ވާހަކަ ދައްކާނަން .. ތީ ކާކުތަ އަހަރެންގެ ލައިފް އަށް ވަންނަން.. ލަދެއް ވެސް ނުގަނޭތަ އިއްޔެ ވާހަކަ ދެއްކީމޭ ބުނަން… އަދި އެބަ އިންޒާރު ދޭ އެބަ..މަ ބޭނުން މީހަކާ ވާހަކަ ދައްކައިގެން އުޅޭނީ..ކިހިނެތް ވެގެން މަށައް އިންޒާރު ދެނީ..އޭން.. ޖަވާބު ދީ.. ކީއްވެހޭ..” މީޝަމް އަށް ކެތް ނުވެގެން ހަޅޭއްލަވައިގެން އިރު ރޮވިއްޖެއެވެ. އޭނާގެ ހިތުގައި ޒަޔާންއަށްޓަކައި އުފެދިފައިވަނީ ތަފާތު ޖަޒުބާތެކެވެ. އެހިތް އެދި ގޮވަމުންދަނީ ޒަޔާންގެ އަޅާލުމަށެވެ. އެ ލޯތްބަށް ފެންބޮވައި ގަނެފައިވާ ހާލުގައެވެ. ކޮންމެ ދުވަހަކު އެ ދެލޯ ބޭގަރާރް ކަންމަތީގައި ހުންނަނީ ޒަޔާން ދުށުމަށް އެދިއެވެ. އޭނާގެ އަޑުބޭރުވާން އުޅޭހެން ހީވެގެން އަނގަމަތީގައި އަތް އަޅާލިއިރު ހިފެހެއްޓުމެއް ނެތި ދެލޮލުން ފެންތައް ފައިބައެވެ. ކިތަންމެ ދެރަވި ނަމަވެސް މީހެއްގެ ކުރިމަތިގައި ވަރަށް ދެރަވެގެން ނޫނީ މީޝަމް ނުރޮވެއެވެ. ނަމަވެސް މީޝަމްގެ ހިތައް ވަރަށް އަސަރުކޮށްފިއެވެ. ޒަޔާން އާއި ދިމާ ބަލައިލިޔަސް މީޝަމްއަށް ސިފަވެގެން ދަނީ ރޭގައި އެއަތުގައި ޝިއުރާ ހިފައިލައިގެން ހުރިގޮތެވެ. ފަހުންވެސް ދެފަހަރަކު ޝިއުރާގާތުގައި ޒަޔާން ހުއްޓާ މީޝަމް އަށް ފެނުނެވެ.
“ލޯބި ވާތީ.. އަޑު އިވިއްޖެތަ..އަހަރެން މީޝަމް ދެކެ ވަރަށް ބޮޑަށް ލޯބިވާތީ މިފާޑަށް މިއުޅެނީ.. އެހެން ފިރިހެނެއް މީޝަމްގެ ކައިރީގަ ހުންނަތަން ދެކެން ބޭނުން ނުވާތީ ” މީޝަމްގެ ކަރުނަތައް ފެނި ޒަޔާން ކުރަމުން ދިޔަ ހިތްވަރު ގެއްލިއްޖެއެވެ.
ޒަޔާންގެ ވާހަކަ އިވި ރޮވެމުން ދިޔަ މީޝަމް ހުއްޓުން އެރިއެވެ. ކަރުނައިގެ ތެރެއިން ވެސް އެމޫނުމަތީގައި ވާ ސިހުން ފާޅުވެއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެވުން އިރު ޒަޔާންގެ ދެލޮލުން ފެނުނު އަސަރަކުން މީޝަމްގެ ހިތައް ހީވީ ތޫނު އެއްޗެއް ހަރާލިހެންނެވެ. ޒަޔާން އޭނާގެ ގާތައް ޖެހެން ފެށުމުން މީޝަމް ފަހަތައް ޖެހެންފެށިއެވެ. މީޝަމް މަތަވީ ލިފްޓްގެ ބިތުގައިޖެހިފައެވެ. ޒަޔާން އައިގޮތައް އެހިމަ އުނަގަނޑަށް ދަމާލައިފައި އޭނާގެ މޭގައި މީޝަމް ތަތްކޮށްލިއެވެ.
ދެމީޙުންގެ ނަޒަރު އެހާ ގާތުން ދިމާވެފައި ވީއިރު ބަސްމޮށުން ތެރިކަމަކާއި ނުލައިވެސް އެކަކު އަނެއްކަކުގެ ލޯތްބަށް ދެހިތް ފެންބޮވައި ގަނެފައިވީ މިންވަރު ހާމަވެއެވެ. މީޝަމްއަށް ލޯމަރައިލެވުނީ ޒަޔާންގެ ނޭވާ އޭނާގެ މޫނަށް އެޅެން ފެށުމުންނެވެ. ހިތް ގޮވަމުން ދިޔަ ކަންތަކަށް އިޖާބަ ދިނުމަށްފަހު ޒަޔާން، މީޝަމް އާއި ދުރުވެލިއެވެ. އޭރު ދެމީހުން ތުންފަތުގެ ކުލަ އިހުނަށް ވުރެން ގަދަ ވެފައިވެއެވެ.
ކުއްލިއަކަށް ހަމަހޭވެރިކަންވެ ދެމީހުން ދުރަށް ޖެހިލީ ޒަޔާންގެ ފޯނު ރިންގް ވާން ފެށުމުންނެވެ. ޒަޔާން ބަލައިލިއިރު ނުދަންނަ ނަމްބަރެއް އަރާފައި އިނުމުން ކްލައިންޓެއް ކަމަށް ހީކޮށް އަވަހަށް ފޯނު ނެގި ވަގުތު ފޯނު އަތުން ދޫވާން ދިޔައެވެ. ކަންދިމާވިގޮތުން އިނގިލި ޖެހިފައި ފޯނު އެވަގުތު ސްޕީކަރަށް ވެސް އިނީ ލެވިފައެވެ.
“ހެލޯ ޑާލިންގް..އިޓްސް މައި ނިއު ނަމްބަރ” އެއިވުނީ ޝިއުރާގެ އަޑެވެ. މީޝަމްގެ މޫނުމަތީގައި ހީވީ މީހަކު އެތިފަހަރެއް ޖަހާލި ހެންނެވެ. އެހިތައް ކުރި އަސަރު އެމޫނުމަތިން ކިތަންމެ ރީއްޗަކަށް ވެސް ފެންނަން އެބަހުއްޓެވެ. މީޝަމްއަށް ރޮވުނީ ޒަޔާން އަވަސްއަވަހަށް ފޯނު ކަނޑާލި ގޮތުންނެވެ. ހީވަނީ ކަމެއް ފޮރުވަން އުޅުނުހެންނެވެ. އައިރުޅީގައި މީޝަމް ޒަޔާންގެ އަތްފޮޅުވާލިއެވެ. ނަސީބަކުން އެވަގުތުވީ ލިފްޓް ވެސް ރަނގަޅުވި ވަގުތަށެވެ.
“މީޝް… ލެޓް މީ އެކްސްޕްލޭން..” ޒަޔާން މީޝަމްގެ އަތުގައި ހިފަން އުޅުމުން މިފަހަރުވެސް މީޝަމް އަތް ފޮޅުވާލިއެވެ. މީޝަމްގެ ދެލޮލުން ކަރުނަތައް އޮހެމުން ދިޔައިރު ޒަޔާން ކައިރިވެދާނެތީ އެދެމެދަށް އަތް ހުރަސް ކޮށްލަމުން ލިފްޓުން ނުކުމެ ސިޑިއަށް އަރައި ދުވެލައިފާ ތިރިއަށް ދިޔައެވެ.
މީޝަމް ތިރިއަށް ދިޔަގޮތް ފެނި ޒަޔާންގެ ހިތުގައި ހީވީ މީހަކު ވަކި އެޅިހެންނެވެ. ދެވަނަ ސިކުންތުގައި އޭނާގެމޫނަށް ވެރިވެގަތީ ރުޅިވެރިކަމެވެ. އެދެލޮލުން ޝިއުރާދެކެ އައިސްހުރި ރުޅި ހާމަވެއެވެ. އޭނާގެ ލޯބި ހަސިލްވުމުގެ މަގުމަތީގައި ވަނިކޮން އެހުރިހާކަމެއް ސިއުރާގެ ސަބަބުން މިވަނީ ނާކާމިޔާބުވެފައެވެ. ލިފްޓްއިން ފައިބައިގެން ތިރިއަށް އައި ޒަޔާން ވަށާއިގެން ހޯދާލިއިރު ވެސް މީޝަމްގެ ހިލަމެއް ފެންނާކަށް ނެތެވެ.
***
“ނަވާ ނެތީމަ ހީވަނީ ފަޅު ގެޔެއް ހެން ދޯ ކުޑާ.. ” ރަހުމާ ހީލިއެވެ. ގޭގެ ހުރިހާ އަންހެން ވެރިން ނޫރާގެ ބަޔަށް އައިސް ތިބީ ކުރިޔަށް އޮތް ބަންދު ހަފްތާގައި ދާން ހަމަޖެހިފައިވާ ޕިކްނިކް ދަތުރާއި ގުޅޭ މަޝްވަރާ ތައް ކުރުމަށެވެ.
“އާން ދޮންބެ ދައްތާ ބުނާކަށް ހީވަނީ ގައިގަ ބައެއް މަދުހެން.. ހެނދުނު ގުޅާފަ ބުނި ކޮންމެވެސް ވަގުތަކުން ގެޔަށް އަންނާނަމޭ…” ނޫރާ ވެސް ހީލަމުން ޖަވާބް ދިނެވެ.
“އެހެނެއްނު ވާނީ ނޫރާގެ ފަހަތުން އޭނާ ގޭގަ އުޅެންޔާ އަބަދުވެސް އުޅޭނީ… އަހަން ވެސް ފަތިހު ގުޅާލިން ފުރަތަމަ ދުވަސް ކިހިނެތް ތޯ..” މުރުޝިދާ ވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވެލިއެވެ.
ހުރިހާ އެންމެން ވާހަކަ ދައްކަން ތިއްބާ ނޫރާއަށް ފޯނެއް އައެވެ. އިވުނު ހަބަރަކުން އޭނާގެ ފައިދަށުން ހީވީ ބިންގަނޑު ދެމިލި ހެންނެވެ.
***
(ނުނިމޭ)