ތެމި ވާރޭގާ ވީމޭ 22 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 22

ޔަގީނުން ވެސް ދެންމެ އޭނާ ކީ ހުރިޙާ އެއްޗެއް ވެސް ޒަޔާން އަށް އިވޭނެއެވެ. އޭނާއަށް އިންތަނުން ގުޑުވާ ނުލެވި އިންދާ ފަހަރަކު މީހަކު ދަމުން ގޮސް އޭނާ އާއި ޒަޔާން އެކަނި ވިއެވެ. މީޝަމްގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ.

***

މީޝަމްގެ ހިތް ރޯ މަހެއް ތެޅޭހެން ތެޅެމުން ދިޔައިރު އިށީންދެ އިން ތަނުން ތެދުވެ ދުއްވައި ގަނެފާނަމޭ އެތައް ފަހަރަކު އޭނާގެ ހިތައް އެރިއެވެ. ނަމަވެސް  އޭނާގެ ދެފައި ހަރަކާތެއް ނުކުރި އެވެ. އޭނާގެ ހިތުގެ ތެޅުން ދެގުނަ ވެގެންދިޔައީ ޒަޔާން، އޭނާއާއި ޖެހޭ ނުޖެހޭ ހިސާބުގައި އިށީނުމުންނެވެ. ޒަޔާން ބޭނުން ކޮށްފައި ހުރި “ހޫގޯ” ސެންޓްގެ މީރުވެސް ދޮވާލުމުން އިސްޖެހިފައި އިން މީޝަމްއަށް ނޭފަތް ދަމާލެވުނެވެ.

“ކާކު ބުނީ މަށާ ޝިއުރާ އާއި ރައްޓެހި ވެގެންނޭ އުޅެނީ..” ޒަޔާންގެ ފިރިހެންވަންތަ އަޑުއެހާ ގާތުން އިވުމުން މީޝަމްގެ ހިއްސުތަކަށް އެނގުން ވެލިއެވެ.

“އޮފިސްގަ ކީ..” މީޝަމްގެ ޖަވާބު ކުރެވެ. އޭނާއަށް ވެފަ އިން ވަރުން ޒަޔާން ނުހޭން ކުރަމުންދިޔަ މަސައްކަތް ހީވަނީ ބޭކާރު ވެދާނެ ހެންނެވެ. މީޝަމް އެހެން އިރު ލޯބިކަމުން ކޯތާފަތުގައި ބީހިލަން ޒަޔާންގެ ހިތް އެދެމުންދިޔައެވެ. ހާތަ ފުރިހަމަ އެވެ. ލަދުގަތުމުގެ ސަބަބުން މުޅިމޫނަށް ވަނީ ޖަންބުކުލަ ފާއްދާލައިފައެވެ. އެ ރީތި ކުއްޖާ ގަޔާލާ ބޮނޑިކޮށްލަން ވެސް އޭނާގެ ހިތް ގޮވަމުން ދިޔައެވެ. ދެވަނަ ސިކުންތުގައި ދެފަރާތައް ބޯހޫރައިލެވުނީ ކުރެވެމުންދިޔަ ވިޔާނުދާ ހިޔާލެއްގެ ސަބަބުންނެވެ. ހިތަކީ ވެސް ހާދަ ނުސިޔާނު މަސްކޮޅެކެވެ. އެކަހަލަ އެއްޗިހި އެ ހިތައް އަރަނީ ވެސް އެންމެ ނުބައި ވަގުތުގައެވެ. އެފަދަ ކަމެއް ކުރަން އޭނާ އޮތީ ވެސް ވަކި ކޮން ހައިސިއްޔަތެއް ހެއްޔެވެ.

“ބަޓް ޝިއުރާ ބުނަނީ މަށާ މީޝަމް އާ އަޅުވާ ކިޔައޭ އޮފިސްތެރޭގަ.. އޭނާ އުޅެނީ މަށާ ހެދި ..މީޝަމް އޭ ކިޔާ މަށާ މީހުން ދިމާ ކުރާ ވަރުން އޭނާ ގާތައް އެކަމުގެ ފޯރި އަރަނީ..ކިހިނެތް މިވަނީ ދެން..” މަޑުމަޑުން ޒަޔާންގެ އަޑު އައިރު މީޝަމް އަށް ސިހިފައި ބަލައިލެވިއްޖެއެވެ. އޭރު ޒަޔާން ހެވިފައި އިނެވެ. އޭނާއަށް އެއީ އަދި އާ ހަބަރެކެވެ. ދެލޯ ބޮޑުކޮށްލައިގެން އިން އިރު މީޝަމް އަށް އިތުރަށް ބުނާނެ އެއްޗެއް ވެސް ނެނގުނެވެ.

“ޔޫ ނޯ ވަޓް ޔޫ އާރ ސޯ ކިއުޓް ..” ޒަޔާންގެ އަޑުމަޑުވެފައި އެ އަޑުގައި ހުރި އަސަރަކުން މީޝަމްގެ ގައިގާ ވާހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. މީސަމް ބަލައިލިއިރު ޒަޔާން ބަލަހައްޓައިގެން އިން ނަޒަރުން މީޝަމް އަށް ހީވީ ނޭވާ ވެސް ހުއްޓިގެން ދިޔަހެންނެވެ. މީޝަމް އާއި ހަތަރުކަޅި ހަމަކޮށްގެން ހުރިގޮތައް ޒަޔާންގެ މޫނު މީޝަމްގެ މޫނާއި ކައިރިޔަށް ގެންދެވުން އިރު ވެސް ޒަޔާން އަކަށް ނޭނގުނެވެ.

އެކަމުން ނަގަން ވީ މާނާ އެއް މީޝަމް އަކަށް ނޭނގުނެވެ. އޭނާގެ މޭގަނޑު ތެޅެމުން ދިޔައިރު މީޙާގެ ގައިގާ ވެސް މަޑު ތުރުތުރެއް އުފެދިއްޖެއެވެ.

ދެމީހުންގެ މޫނު ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓާއި ދުރުން ރިހާމްގެ އަޑު އިވިގެން ހަމަހޭވެރިކަން ވެ ޒަޔާން، މީޝަމް އާއި ދުރަށް ޖެހިލިއެވެ. ޒަޔާން ބަލައިލި އިރު ދުވެލައިފައި މީޝަމް އެތަނުން ދަނީއެވެ.

“ކޮބާ ..ކޮބާ ޒަޔާނޫ..އެ ސޮރު ކޮބާތާ..”ޒަޔާންގެ އަޑެއް ނީވުމުން އަނެއްކާ ވެސް ޔަޒަން އާއި އެކު ގެޔަށް ވަދެގެން އައި ރިހާމް ނިކަން ބާރަށް ގޮވާލިއެވެ. މިފަހަރު ޒަޔާން ވެސް އޯތް އޭ ކިޔާ ގޮވާލިއެވެ.

 

***

“ޕިސް..އަޅެ މި ރިހާމު އެހާ ރޮމޭންޓިކް މޯމެންޓްއެކޭ އެ ސްޕޮއިލް ކޮށްލީ..” އަޒާން އަށް އަނގަހަދައިލެވެނެވެ.ނަވާރް އާއި މައިޝާ އަދި އަޒާން ތިބީ ނޫޜާގެ ކޮޓަރީގައެވެ. މިހުރާން ވެސް އެމީހުންނާއި އެއްކޮން ވަދެފައި ނަމްރާ ގޮވަން ފެށުމުން ދިޔައީއެވެ. ޒަޔާން އާއި މީޝަމްގެ ހުރިހާ މަންޒަރެއް އެކޮޓަރީގެ ދޮރު ކުޑަކޮން ހުޅުވާލައިގެން ތިބެ އެމީހުން ބެލިއެވެ. އެ ކޮޓަރި ސިޓިންގްރޫމާއި ދިމާލަށް ވާހެން އިންނާތީވެ އެހުރިހާ މަންޒަރެއް ނިކަން ރީއްޗަށް ފެނުނެވެ. ނަވާރް އަތުގައި އޮތް ފޯނުން ދެތިން ފޮޓޯ ވެސް ނެގިއެވެ.

“އާހްހް.. ފައިނަލް އަމް ރިލީވްޑް … މިއަދު މި ފެނުން މަންޒަރުން ހީވަނީ އަވަސް މުސްތަގުބަލެއްގަ މިކަން ވެސް ދެން ނިމިދާނެހެން.. ދޮންތީ ވާނެ ކޮން ދުވަހަކު ޑިއުޓީ ނިމިގެން މިދެމީޙުންނަށް ގޮތެއް ހަދަން އަންނަން..” ދެންމެ ނެގި މީޝަމް އާއި ޒަޔާންގެ ފޮޓޯއަށް ބަލަމުން ނަވާރް ބުނެލި އިރު މޫނުމަތީގައި ވަނީ ލާނެތް ކަމަވެ. ނަވާރް އާއި އެއްބައިވެ މައިޝާ އާއި އަޒާން  ވެސް ހޭންފެށިއެވެ.

“ކަމަނާ މިތާގަ ތިހުންނަނީ މި އަދި ކަމެއް ދަމެއް ބޮޑުވާ މަންޖެ އެއް ނޫނޭ ދޯ… ހިނގާބަ ކޭކް އާއި ކޭކް ޓޭބަލް ވެރައިޓީސް ވެސް ނިމިއްޖެ .. ގުޅާލައިފީމޭ އެ ދައްކަން ” އެ ކޮޓަރިއަށް ވަން އިސްރާ ބޮޑު ބަނޑާއި އެކު އައީ ނުހަނު ހަލުއި ކަމާއެކުއެވެ.

“ކުޑަ ކަމެއް ޖެހުނީ އޭ.. އެހެންވެ ގުޅިކަމެއް ވެސް ނޭނގުނީ.. ހިނގާބަ ދާން ..” އިސްރާ އާއެކު ނަވާރް އާއި މައިޝާ އާއެއްކޮން ދިޔައެވެ.

“ތިއްތި ދައްތާ އަހަރެން ހީކުރީ ގުޅާނެ ކަމަށޭ.. ތިގެއަށް ދާން އުޅެނިކޮން މަންމަ ކިޔަފި އެކަން އެބަ ނިމެއޭ.. އެހެންވެ މިހުރީ ” މައިޝާ އިސްރާ އާއި ދިމާ ބަލައިލަމުން ބުނެލިއެވެ.

“ޔެސް ގުޅަން އުޅުނީ..އެގަޑީގަ ފަރާ ދޮންތަ އާއި ފައި ތިއްތަ  ވެސް އައިސްފި.. އެހެންވެ ވަރަށް އަވަހަށް ނިމިއްޖެ..އިއްޔެ އަހަރެމެން އެންމެ ވެގެން ކޭކް ނިންމާފަ އޭނު އިނީ މިއަދު ވެރައިޓީޒް ތައް…” އިސްރާ ވާހަކަ ދައްކަމުން ދިޔަ އިރު މައި ނޭވާ ލެވެއެވެ. ދުވަސް ފުރިފައި ވުމުން އޭނާ ފެންނަނީ ކުރިޔަށް ވުރެން ބުރަހެލި ކޮންނެވެ.

“އާހް މި ބިގް ބެލީކޮޅު ހިފައިގެން ނަވާ އަށް މިހާ ހެލްޕް ވެދޭތީ ވެސް މިހުންނަނީ ދެރަ ވެފަ.. ނެކްސްޓް ވީކްގަ އެޑްމިޓް ކޮށްފަ ހަމަ އެދުވަހުން ވިއްސާނެ ދޯ…އާހްހް އައި ކާންޓް ވެއިޓް ” އިސްރާގެ ބަނޑުގައި އަތް ޖައްސައިލި އިރު ނަވާރްގެ މޫނުމަތީން ފެންނަނީ އުފާވެރިކަމެވެ. އިސްރާ ބޯ ޖަހައިލިއިރު އޭނާގެ ބަނޑުގައި ނަވާރް ކަންފަތް ޖައްސައިގެން ހުރެ އެގެޔަށް ދިޔަސް ބޭބީ މަތިން މިސްވާނެ އޭ ބުނެލީ ނިކަން ލޯބި ކޮންނެވެ. މައިޝާ އާއި އިސްރާ ގާތައް ހިނިއައިސްފައި ހުރެ ދިމާ ކޮށްލިއެވެ.

“މަށައް ހީވަނީ ޔަޒަން ވަރަށް އަވަހަށް  ބޭބީ އެއް ހޯދާނެ ހެން.. ކުރީ ދުވަހު މަ ހުއްޓަ މިލީ ދައްތަ ޔަޒަން ކައިރީގަ ކިޔާ މާމަ ދަރިޔަކު ނިކަން ބޭނުމޭ.. އެ ސޮރު ލަދުން ހަލާކުވެފަ އިނީ..ޒަޔާން މެން ވެސް ތިބި ހޭން އަދި..” މައިޝާ ހޭން ފަށައިފައި ބުނެލި ވާހަލައިން ނަޥާރް ދެލޯ ބޮޑުވާ ގޮތް ވިއެވެ. ލަދުވެސް ގަތެވެ. ދެމީހުންގެ މެދުގައި ލޯބި ނުއުފެދޭ އިރު އެހިސާބަށް ދާނީ ކިހިނެތް ހެއްޔެވެ. ނަވާރް ގާތައް ހިނިއައިސް ހުރެ އެހެންހޭ ބުނެލިއެވެ.

“މިލީ ދައްތަ ފިފްޓީ އާއި ގާތް ވި ފަހުން ވިއްޔަ އެ ސޮރު އެ އިންނަނީ..ދެން މާމަދަރިފުޅެއް ކިހާ ބޭނުންވާނެ އެ އުމުރަށް އެޅީމަ.. މައި ވެސް  ވެއްޖެ އޭ  މިހާރު ޓްރައި ކުރަން ..” އިސްޜާ ފެށި ވާހަކަ ނިންމި އިރު ލަދުގަނެފައި އިނީ މައިޝާ އެވެ. އެކަމާއި ނަވާރް އާއި އިސްރާ ވެގެން ހުނެވެ.

ތިންމީހުން ކޭކު ބަލަން ދިޔަ އިރު ފަރަހް އާއި ފައިހާ އާއި އެކު އެތާގައި އިން މީޝަމް ފެނި ނަވާރް އާއި މައިޝާ އެކަކު އަނެއްކަކަށް ނަޒަރެއް ދިނުމަށްފަހު އަނގަމަތީގައި އަތް ބާއްވައިލީ ހެވިދާނެތީއެވެ. މީޝަމް ވެސް ލޯއަޅާލައިގެން އިނެވެ.

“މިއޮތް އައީނު.. ނަވާ ކޮބާ ކިހިނެތް ވަނީ…އިޝޫގެ މޮޅުކަން މިހުރީ ” ފަރަހް ނިކަން ހިނިއައިސްފައި ހުރެ ފަހަރަކު އެއްޗެއް ނަގާލިއެވެ. އެހުރިހާ ސާމާނެއް ވެސް ނަވާރްއަށް ވަރަށް ކަމުދިޔައެވެ.

”  ޔަޒަން އަށް ވެސް ގުޅާބަ..އޭނާ އަށް ވެސް ދައްކަން ޖެހޭނެ އެންނު.. މިހުރާން ބަލަބަލާފަ ކިޔާ ހޯލްގަ ހުރި ބްރައުން ޝޭޑްސް އަކާއި މި ނުގުޅެއޭ…ނުގުޅެންޔާ އަދި ކުލަ ކޮޅެއް ހާކާލަން ވެސް އޭރަށް އެނގޭނީ” ފައިހާގެ ބަހަށް އެހެން މީހުން ތާއީދުކުރިއެވެ. ނުކެރި ހުރެފައި އެންމެން ބަލަން ފެށުމުން ނަވާރް ޔަޒަން އަށް ގުޅާފައި ގެނައެވެ.

ޔަޒަން އައީ ޒަޔާން އާއެކު ގައެވެ. ޒަޔާން ހަމަ ފެނުމާއެކު މައިޝާ ކަރުކެހެން ފެށިއެވެ. ނަވާރް ވެސް ޔަޒަން ހުރުމުން އެއްޗެއް ނުބުންޏަސް ހުރީ އޭނާގެ ލާނެތް ހިނިތުންވުމުގައެވެ. އޭރު މީޝަމް އެދެމީހުންނަށް ލޯ އަޅައިލާގެން ހުރެ އިސްޖަހައިލީ ޒަޔާންގެ މޫނަށް ބަލަން ބޭނުން ނުވެގެންނެވެ.

ޔަޒަން އާއި  ޒަޔާން ބަލަ ބަލާފައި ކުޑަކޮން ކުލަ ތަފާތު ނަމަވެސް ހޯލުގަ ހުރި ކުލަ އާއި ގުޅުން އެބަހުރި ކަމަށް ބުނުމުން އެންމެނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

“ބްރައުންގެ އެކި ޝޭޑްސް ހުރީ އެހެން ވީމަ މި އޯކޭ އެންނު ..” ޔަޒަން އެމީހުންނަށް ޖަވާބު ދެމުން ބަލައިލީ ނަވާރް އާއި ދިމާލަށެވެ. އޭރު ނަވާރް ބަލަހައްޓައިގެން ހުރި އިރު ޔަޒަން ބަލައިލުމުން ހީލިއެވެ. ޔަޒަން ވެސް ރައްދުގައި ހީލަމުން ފޯނަށް ބެލުމަށް އިޝާރާތް ކުރިއެވެ.

“އެހެމް އެހެމް ކައިވެނި ކުރެވެން އުޅޭ އިރު ވެސް ހާދަ ވަރަކަށޭ އިޝްގްގަ  ޖެހެނީ ދެމީހުން މިއޮތް..” ޔަޒަން އާއި ނަވާރްގެ އިޝާރާތްތަކައް ބަލަން ހުރި ޒަޔާން ހީގަންނަމުން އެމީހުންނާ ދިމާ ކޮށްލިއެވެ.

“އަހަރުން ދެމީހުން އެކަނިތަ.. ދެންމެ ޒައްޔު ވެސް އިޝްގުގަ ޖެހިފަ ހުރީ…” ޔަޒަން މީޝަމް  އާއި ދިމާ ބަލައިލަމުން ބުނެލިއެވެ. ޒަޔާން ލަދުރަކި ފާޑާކަށް ހީލިއިރު ޔަޒަންގެ ޖުމްލައިން މީޝަމްގެ މުޅީ މޫނު ރަތްވެގެން ދިޔައެވެ.

އެކަކު އަނެކަކާ ދިމާ ކުރަން ތިއްބާ މިހުރާން އައިސް ޑެކޮރޭޓް ކުރާ ތަނަށް ދާން ބުނުމުން ޔަޒަން އާއި ޒަޔާން ނުކުތެވެ.

“ނަވާ ގެ ލަގެޖް ތައް ގެޔަށް ގެންގޮސްފަ ހުންނާނީ… ސީ ޔޫ ސޫން.. މިސިންގް ޔޫ” ޔަޒަން ނުކުމެގެން ދިޔަ ފަހުން ނަވާރް ޔަޒަންގެ މެސެޖް ކިޔާލި އެވެ. އިސާހިތަކު ނަވާރްގެ  ކޯތާފަތައް މަޑު ފިޔާތޮށި ކުލަ ވެރިވިއެވެ. ލޯބި ގޮތަކަށް ހީލިއިރު ފޯނު ނަގާ މޭގައި ޖައްސާލެވުނެވެ. “މިސިންގް ޔޫ” އޭ ކިޔާލެވުނު އިރު ގައިން ހީބިހި ހަލުވާލިއެވެ. ޔަޒަން އެހެން އެބުނީ ކޮން މާނައެއްގައި ހެއްޔޭ ނަވާރްގެ ހިތައް އެރިއެވެ. ބައެއްފަހަރު ޔަޒަންގެ އެފަދަ މެސެޖްތަކުން އެހެން ސިގްނަލް އެއް ދޭން އުޅޭހެން ވެސް ނަވާރްއަށް ހީވެއެވެ.

“ކޮބާތަ ޒެހޭ.. އަހަރެމެންގެ ލޯބި ފަހަރި” އިސްރާއަށް މިއަދު ޒެހެކް ނުފެނުމުން އަހައިލިއެވެ.

“ދެންމެ ގުޅާފިން މިސްވެގެން .. ޔަޒަން މެން ގޭގަ އަޒާންބެގެ ޖީ އެފް އާއެއްކޮން އެބޯޅޭ.. ހިނގާ އެގެޔަށް ދަމާ .. މަންމަ ވެސްއޭރު އައިސް އަނެއްކާ އެދިޔައީ ..” ނަވާރް ފޯނު ޖީބަށް ލަމުން ޖަވާބު ދިނެވެ.

އަޒާންގެ “ޖީއެފް” އޭ ބުނުމުން ފައިހާ އާއި ފަރަހް އަދި އިސްރާ ވެސް ހައިރާން ވެގެން ކީކޭ ހޭ އަހައިލިއެވެ. ނަވާރް ހޭންފަށަމުން ޔަޒަންމެންގެ ގެޔަށް ދެވުނީމަ އެނގޭނެއޭ ބުނެ އިތުރަކަށް ޖަވާބު ނުދިނެވެ.

***

“ފަވާދު ވެސް ވަރަށް ރުހޭ ކަމެއް.. އަނެއްކާ ރިއުނާ ވެސް އާންބަސް ދީފި ޒަހުރާން އާއި ކައިވެނި ކުރަން..ދެންމެ ފަވާދު ގުޅާފަ އެބުނީ އެހެން”  ނިކަން ހިނިއައިސްފައި ހުރެ ހާރިޒް  އައިސް ދިން ޖަވާބުން ނޫރާގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. ހާރިޒް އެވާހަކަ އޭނާގާތު ދެއްކިތާ މިވީ ހަފްތާއެއްހާ ދުވަސް ތެރޭގައި އޭނާ އާއި ހާރިޒްގެ މަސައްކަތުން ޒަހުރާން ވެސް ވަނީ އެ ކައިވެންޏަށް އެއްބަސް ވެފައެވެ. އަލާނާގެ މަތިން ހަނދާން ނައްތާލައި އާފެށުމަކުން ފަށަން ވިސްނައިދިނީ ހާރިޒްއެވެ.

އެހެން ވީމަ މިރޭ ވެޑިންގަ ރިއޫ އަންނައިރު ޒަހުރާން އާއި މީޓް ކުރުވޭނެ ތާ ދޯ.. އަޅޭ އަހަރެން ހާދަ އުފާ ވެއްޖެޔޭ..” ނޫރާއަށް އުފަލުން ގޮސް ވާހަކަ ދެއްކުން ވެސް ވީ އުނދަގުކަމަކަށެވެ.

“އަހަރެން ބުނީމެންނު ވަގުތު ނަގާނެ އޭ އެކަމަކު  އިންޝﷲ ދެރަގޮތެއް ނުވާނެ އޭ.. ސީ ނައު.. އަލްހަމްދުލިއްލާހް.. ޓައިމް އިޒް އެވްރީތިންގް ޓް ހީލް އެނީތިންގް..” ހާރިޒް ހީލަމުން ނޫރާގެ ގައިގާ ބައްދާލިއެވެ.

***

“އެމީހުން އިންނަނީ މިރޭ.. އަހަރެން ނަވާރް އަށް މެސެޖް ތައް ފޮނުވާ އިންޒާރް ދޭ އިރުވެސް މިހާރް އަޅައިވެސް ނުލާ … ބޮސް…ޕްލޭން ބީ އަކަށް  ދާން ޖެހޭނީ..” ނައުފަލް އާއި އޭނާގެ “ބޮސް” ތިބީ ސުނާމީ ބިނާ ފާރުކައިރީގައެވެ. މުޅި ހިސާބް ފަޅުކަން އޮތް އިރު ދެމީހުން ފިޔަވައި އިތުރު މީހެއްގެ ހިލަމެއް އެހިސާބުން ނުވެއެވެ. ވިލިގިލީ ފެރީ ޓާމިނަލް އަށް ދޭތެރެއަކުން ޖައްސާ ފެރީތަކު އަޑުތައް ފިޔަވައި އިތުރު އަޑެއް ވެސް ނީވެއެވެ.

ނައުފަލްގެ ވާހަކަ އިން ބޮސްގެ  ނިތައް ރޫ އަރައިގެން ދިޔަނަމަވެސް ހައިރާން ކަމެއް ނުފެނެއެވެ. މާސްކަކުން މޫނު ފޮރުވައިގެން ހުރި ނަމަވެސް އޭނާގެ މަކަރުވެރި ލޮލުން ފެންނަ ނުރައްކާތެރިކަންވެސް ހުރީ ފާޅުވާށެވެ.

“އަދި ..ޝަރަފް އާއި ޒަކީންގެ ދަރި ބައްދަލް ކުރި ..” ނައުފަލް ޖެހިލުން ވެފައި ހުރެ ބުނެލިއެވެ. އެއާކު ކައިރީގައި ހުރީ އޭނާގެ ބޮސް އަށް ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާން ވެފައި ހުރެ އިތުރަށް ކިޔައިދޭން އަމުރުކުރިއެވެ.

“އިތުރު އެއްޗެއް ނޭގޭ..މި ވަރު އަދި އެނގުނީ އަހަރެމެންގެ ތާޑް ޕާޓީއަށް ވެސް..އެކަމަކު އުޖޫރައާ އެކު އިތުރަށް ބަލަން ހަވާލް ކޮށްފަ އިންނާނީ..”ނައުފަލް ދެން ބުނި ވާހަކައިން އޭނާގެ ނިތައް އަރާފައި ހުރި ރޫތައް ފިލައިފިއެވެ.

“ގުޑް…އެހެން ވީ ޝަރަފް އަނގަ ބަންދުކުރަން އެބަޖެހޭ.. އޭނާގެ ދަރި ބޭނުން ކޮށްގެން ކުޑަވަރެއްގެ ގޭމެއް ކުޅެލާނީ.. ނައުފަލް .. މިއަދު ނަވާރް އާއި ޔަޒަން ބަހައްޓާ  އުފާ ކުރަން .. އެމީހުން ދެން ދެކެން ޖެހޭ ކަޅު ދުވަސްތައް އަހަރެމެން ބަލަން ތިބޭނީ އުފަލުން…މިލީނާ އާއި ޔާމީންގެ ދަރިންވެސް ޒަކީންގެ ދަރިން ވެސް ތިބެން ޖެހޭނީ އެމީހުންގެ ސައިޒުގަ މައިތިރި ވެފަ..އެހެން ވީމަ ނައުފަލް ކަލޭ ބަލާތި ތާޑް ޕާޓީންވެސް ގަންނަ ގަނޑެއް…އެންމެ ކަމެއް ގޯސް ވިޔަސް ހަނދާންކުރާތި އެއީ އަހަރެމެން ނިމުން..އޭނަ އަހަރެމެން އެކަކު ވެސް ދުލެއް ނުކުރާނެ” ބޮސް “އޭނަ” އޭ ބުނެލީ އިންޒާރެއް ފަދައިންނެވެ. ކިޔަމަންތެރިކަމާއެކު ނައުފަލްބޯ ޖަހައިލިއެވެ.

**

ކައިވެނި ކުރާ ވަގުތު ކުޑަތަން ވަމުން ދިޔަހިނދު ނަވާރްގެ ހިތުގެ ތެޅުން އަވަސް ވަމުންދިޔައެވެ. މިލީނާގެ ކޮޓަރީ ހުދުކުލައިގެން ބޮޑު ވެޑިންޑްރެސް ގައި ނަވާރް އިން އިރު މޭކަޕް ކުރުމަށް ދެ އަންހެން ކުއްޖަކު ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ. ނަވާރްގެ ކައިރީގައި ތިބި ނޫރާ އާއި މިލީނާ އެކަކު އަނެކަކަށް ބަލައިލާ  ފުރިހަމަ ހިނިތުން ވުމެއް ދިނީ ނަވާރް މޭކަޕުން ނިމިގެން ތެދުވިތަން ފެނިއެވެ. އެހެން ހުރިހާ ދުވަހަކަށް ވުރެން ވެސް ނަވާރް މިރޭ ފުރިހަމައެވެ. ހުދު ކުލައިގެ ބޮޑު ވެޑިން ޑްރެސްގައި ހުރި އިރު ފަންފަން އިސްތަށިގަނޑު ރީތިގޮތަކަށް ހަދާފައި ވެއެވެ.  ކޮށްފައި ވާ ލުއި މޭކަޕުން އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ހަޔާތުގައި އަލަށް މޭކަޕް ކުރަން ޖެހުމުން ނަވާރް ލަދުގަންނަ ގޮތް ވެސް ވިއެވެ.

“މާޝާﷲ މަންމަގެ ދޫނި ހާދަ ރީއްޗޭ.. ހަމަ ހީވަނީ ފަލަކުން ނެއްޓިގެން އައިސްފަ ހުރި ތަރިއެއްހެން..”  ނޫރާގެ ތައުރީފްތައް އިވި ނަވާރް ކުރިއަށް ވުރެން ލަދުގަންނަ ގޮތް ވިއެވެ. ތައުރީފް ކުރަމުން ނޫރާ އަށް ރޮވުނީ ހުރި  އެންމެ އަންހެން ދަރިފުޅު އޭނާއާއި ދުރަށް ދާ ވަގުތު ކައިރިވިކަން އިޙްސާސް  ވުމުންނެވެ. ނޫރާ ރޯތަން ފެނި ނަވާރްއަށް ވެސް ރޮވުނެވެ.  ކޮށްފައި ވާ މޭކަޕުން ބައެއް ހަޑިވުމުން މޭކްޕްކުރާ ކުދިން އަވަހަށް އެކަމާއި އުޅެން ފަށައިފިއެވެ.

“މިލީ ބަލައްޗޭ މަގޭ ދަރިއަށް.. މިއީ އަހަރެން ނުލާހިކު ލޯބިން ބެލި  އަދި ހުރި ހަމައެކަނި އަންހެންދަރިފުޅު..އަހރެން ޔަޒަންގެ ކައިރިގަ ވެސް ވަރަށް ކީން” ނޫރާއަށް ރޮވެން ފެށުމުން މިލީނާ ނޫރާގެ އަތުގައި ހިފައިގެން ދުރަށް ޖެހިލިއެވެ.

“ނޫ ހާސް ނުވޭ.. ޔަޒަންގެ ދެލޮލަށް ބަލާލީމަ އެދެލޮލުން އަހަންނަށް ފެނޭ ނަވާ ދެކެ ވާ ލޯބި.. ނޫ އަށް އަހަރެން ކިޔައިދިނީމެންނު އޭނާ މީގެ ދިހަ އަހަރުކުރިން ސުކޫލް ދުވަސްވަރު ރައްޓެހިވި މަންޖެ ހެދި ގޮތް..އޭގެ ފަހުން އެއްވެސް އަންހެން ކުއްޖަކަށް ރުހުމުގެ ލޮލަކުން ބަލާނުލާ..އެކަމަކު ނަވާ ފެނުން ފަހު އެކަމަށް ނިމުމެއް އައީ.. ޔަޒަން ވަރަށް ކެއާރ ކުރޭ ނަވާ އަށް .. އަދި އަހަރެން ވެސް… އަހަރެން ދެކެނީ ނަވާއަކީ އަހަރެންގެ އަމިއްލަ ދަރިއެއް ކަމަށް ހަމަ..އެހާ ވެސް ލޯބިވޭ އެކުއްޖާ ދެކެ… އަހަރެން ނަވާ ބަލާނީ ވަރަށް ލޯބިން..އެކަން ނޫ އަށް ވެސް އެނގެއެންނު ދޯ.. އޭނައަށް ނޫ ރޯތަން ފެނުނީމަ އަނެއްކާ ވެސް ރޮވޭނެ… ދެން ހުއްޓާލާ…” މިލީނާގެ ބަސްތަކުން ހިތްހަމަ ޖެހުން ލިބި ނޫރާގެ ކަރުނަތައް އުނދަގުލުން ނަމަވެސް ހިފަހައްޓާއިލިއެވެ.  ދެލޮލުން ފޭދިފައި ހުރި ކަރުނަތައް ޓިޝޫއަކުން ފުހެލަމުން މިލީނާއަށް ނޫރާ ބަލައިލީ ޝުކުރުވެރިވާ ޙާލުގައެވެ. އެދެމީހުން ވެސް މިރެއަށް ހާއްސަކޮން ލުއި މޭކަޕެއް ކޮށްލައިފާ ތިބި އިރު ނިކަން ރީއްޗެވެ. މަޑު މުށިކުލައިގެ ވިދާ ފޮތީގެ އަބާޔާ ގައި ތިބި އިރު ބޮލުގައި އަޅާލައިފާ ވާ ޝޯލް އިން އުމުރަށް ވުރެން ޒުވާން ކަމަށް ދައްކައެވެ.

މޭކަޕް ކޮށް ނިމުން އިރު ވެސް ނަވާރް އިންނަނީ ނެގިމަޑުވެފައެވެ. އާނާ މަތިން މިރޭ މާ ބޮޑަށް ހަނދާން ވަނީއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ނުފައިބާތޯ އޭނާ ނުހަނު ހިތްވަރު ކުރަމުން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ ނެތި އެކުވެރިޔާގެ ބޭބެ އާއިކައިވެނި ކުރެވިގެން ދާއިރް އޭނާގެ ހިތުގައި ނުހަނު ރިއްސަމުން ދިޔައެވެ. އެގެއަށް އައުމުން މިވީ ވަގުތު ކޮޅު ވެސް އޭނާއަށް އިހުސާސް ވެގެންދިޔައީ އާނާ ނެތް ކަމުގެ ފަޅުކަމެވެ. ކައިވެންޏަށް  ތައްޔާރު ވުމުގައި މިވީ ހަފްތާ ތެރޭގައި އާނާގެ ހަނދާންތައް  އެހިތައް އުނދަގު ކުރަމުން ދިޔައީ ވަކިން ބޮޑަށެވެ. އެއީ ކިތަންމެ ގިނަ ދުވަސް  ވީ ނަމަވެސް ފުހެވިގެން ދާނެ ހަނދާނެއް ނޫނެވެ.

“ކޮބާ ދަމާ …” މައިޝާ ނިކަން ހަލުވިކޮން އައި އިރު އޭނާގެ ފަހަތުން ޒެހެކް އާއި މީޝަމް ގެ އިތުރުން ނަވާރް ރަހްމަތްތެރިން ވަނެވެ. އެންމެން ހީހީފައި އުޅުން އިރު ނަވާރްގެ ނެގިމަޑުވެފައި އިން މިޒާޖު ފާހަގަ ވީ  މީޝަމް އަށެވެ. އޭނާގެ ހިތުގައި ހަމްދަރުދީ  ނުހަނު ބޮޑަށް އުފެދުނެވެ.

“ކަމޯން ބޭބީ އާނާ ވިލް ބީ ރިއަލީ ހެޕީ…ފައިނަލީ ހާ ވީޝެސް އާ ކޭމް ޓްރޫ.. ހުރިހާ ކަމެއް ވެސް ރަނގަޅު ޥާނެ އިންޝާﷲ..ޕްލީޒް ސްމައިލް” އެހެން މީހުންނަށް ނީވޭނެހެން މީޝާމް ނަވާރްގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ނަވާރް މީޝަމް އާއި ދިމާ ބަލައިލިއިރު އެދެލޮލުގައި ބަބުޅަމުންދިޔަ ކަރުނަތައް ފެނި މީޝަމް ވެސް ދެރަވިއެވެ. މައިޝާ އާއި ދެމީހުންވެގެން ނަވާރް ހެއްވާލަން ކުރި މަސައްކަތް އިރުކޮޅެއްގެތެރޭގައި ކާމިޔާބު ވިއެވެ. އޭރު ކައިވެނި ކުރުމަށް ނުކުންނަ ގަޑި ޖެހުމުން އެންމެ މިސްރާބް ޖެހީ ދަރުބާރު ގެޔަށެވެ.

ޒަހުރާންގެ އަތުގައި ހިފައިލައިގެން ހުރެ ނަވާރް، ހުދު ހެދުމުގެ މަތިން ހުދުކުލައިގެ ލޭސް ސްކާފް އެއް އަޅައިގެން ބޯ ނިވާ ކޮށްލައިގެން ގޮސް މޭޒުދޮށުގައި ހުއްޓުނެވެ. އޭރު އެވަގުތުވީ ޔަޒަންވެސް އައިސް ހުއްޓުނު ވަގުތެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނުގައި ހުރިއިރު އެތެރެއިން ލާފައި ހުރި ހުދު ގަމީހުގެ ޖީބަށް ހަރުކޮށްލެވިފައި އިން ފޮތިކޮޅުގެ މަތިން އިނީ ނަވާރްގެ އަތުގައި އޮތް ބުކޭގައި ހުރި މާތައް ފަދަ މޯކޮޅެއް ހަރުކޮށްލެވިފައެވެ. ރީތި ގޮތަކަށް އިސްތަށިގަނޑު ޖެލްލާ ހިއްލާލައިފާ ހުރި އިރު ތަފާތު ގޮތެއް ހުއްޓަސް ނުހަނު ފުރިހަމައެވެ. އޭނާގެ ތުންފަތުގައި ވާ ފިރިހެންވަންތަ ހިނިތުންވުމުން ވެސް އިތުރަށް އޭނާގެ ރިތިކަން ހާމަވެއެވެ.

ޔަޒަން އަށް ނަވާރް ފެނުން އިރު އެ ރީތިކަން ފެނި ބަސް ހުއްޓޭ ގޮތްވިއެވެ. ނަވާރް އަށް ވެސް ވީ އެފަދަ ގޮތެކެވެ. ހިނިތުން ވުމެއް އެކަކު އަނެއްކަކަށް ދީފައި ގޮނޑީގައި  އިޝީންނެވެ. އާއިލާ މީހުންނާއި ރަހުމަތްތެރިންގެ އިތުރުން އެވަގުތު އަދި ތިބީ ޕޮޓޯ ނަގާމީހުންނެވެ. ހެކިންގެ ގޮނޑިތަކުގައި ތިބި ޔޫޝައު އާއި ލިއަމްގެ މޫނުމަތީގައިވާ ލާނެތް ކަމަކުން ޔަޒަން އާއި ނަވާރްގެ ގާތައް ހިނިއަންނަގޮތްވިއެވެ.

ކައިވެނީ ކުރެވެން ފެށި، ގާޒީ ކައިވެނީގެ ހުތުބާ ލައިދީ ނިމުމުން ޔަޒަން ބަލައިލީ ނަވާރް އާއި  ދިމާލެވެ. އޭރު ނަވާރްގެ ނަޒަރު ވެސް ވަނީ ހުއްޓިފައެވެ. ޔަޒަން “އަނބި ގަބޫލް ކޮށްފީމޭ” ބުނެލީ ސީދާ ނަވާރްގެ ދެލޮލުގެ ތެރެއަށް ގެނބެމުންނެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު