ތެމި ވާރޭގާ ވީމޭ 21 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 21

“ދޮންބޭ ކުޑަބޭ.. ނަވާ ތާކަށް ގޮސްލަން ވެފަ އެބަ އޮތް.. ދެން އޯކޭ ވަނަސް..އެހާ ގިނަ އިރެއް ނުވާނެ..” ނަވާރް މަގަށް ނަޒަރެއް ދެމުން ބުނެލިއެވެ.

 

“ނަވާ މިހާރު އެއޮތް އެގާރަ ޖަހަނީ.. މިހާ ލަސް ވީމަ ތަ..” ކަންބޮޑުވެފައި ޒަހުރާންއަށް އަތުކުރީގައި އޮތް ގަޑިއަށް ނަޒަރެއް ދެވުނެވެ. ނަވާރް ވަރަށް މުހިއްމުކަމަކު އޭ ބުނެ ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ.

“ދޮންބެ ވަދެލާ މަ އަންނާނަން ނަވާ އާ އެއްކޮން ގޮސްފަ.. އެހާ ގިނަ އިރެއް ނުވާނެއޭ އެންނު އެބުނީ..” ޒަޔާން އެހެން ބުނުމުން ނަވާރްއަށް ބަލައިލެވުނީ ފާޑަކަށެވެ. ނަމަވެސް އިތުރު ގޮތެއް ވެސް ނެތެވެ. އެކަނިން ދާން ބުނެފިއްޔާ ބޭބެ މެން އޭނަ ދިޔަކަ ނުދޭނެއެވެ. ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އާއެކޭ ބުނެ ޒަޔާން އާއެކު އަވަހަށް ހިނގައިގަތެވެ. މިއަށް ވުރެން ރަނގަޅު ފުރުސަތެއް އަހުމަދު އާ ވަހަކަ ދައްކަން ލިބޭނެ ކަމެއް ނޭނގެއެވެ. އޭރު އަހުމަދު ހުރީ ތަންކޮޅެއް ދުރުގައެވެ. ދެމީހުން އެރީ ޒަޔާންގެ ކާރަށެވެ.

“ކުޑަބޭ.. މިހާރު އެއްވެސް ސުވާލެއް ނުކުރައްޗޭ.. ޖަސްޓް ޑޫ ވަޓް އައި ސޭ.. ފޮލޯ ދެޓް މެން .. ބްލެކް ކެޕް އަޅައިގެން ޕާކިންޒޯން ކައިރިން މިހިރަ ދާ..” ނަވާރް ވާހަކަ ދައްކަމުން ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅައިލިއެވެ.

“ހޭ އަމް ޓްރައިން ޓް ބައިޓް.. ވޮނަ ޖޮއިން ” ނަވާރް ގުޅާލީ ޔަޒަން އަށެވެ. ކުރުގޮތަކަށް އަހުމަދު ފެނުނިއްޔޭ ބުނުމުން ޔަޒަން ވެސް މި އަންނަނީ ކަމުގައި ބުނެ ފޯނު ކަނޑައިލިއެވެ.

ޒަޔާން ވާނުވާ ނޭނގި އިނދެ ނަވާރްގެ ހުރިހާ ހަރަކާތަކަށް ބަލަމުން ދިޔައެވެ. ސުވާލް ނުކުރާށޭ ބުނުމުން ޒަޔާން އިނީ ވާނެ ކަމެއް ވާން ސުވާލް ނުކޮށް ދޫކޮށްލައިގެންނެވެ. ފަހަރުގައި ކުށްވެރިއަކަށް ވެސް ވެދާނެތީއެވެ.

އަހުމަދު ހިނގަމުން ގޮސްވަނީ މަގުގެ އެއްފަރާތެއްގައި ހުރި ކެފޭ އަކަށެވެ. ޒަޔާން ކައިރީގައި ކާރުގައި މަޑުކުރަން ބުނުމަށްފަހު ނަވާރް ކާރުން ނުކުމަތެވެ. ކާރުގެ ބިއްދޮށުގައި ހުރެ އެދިމާލަށް ނަޒަރު ހުއްޓަލައިގެން ނަވާރް ހުއްޓެވެ. އެތާގައި ހުންނައިރު ކެފޭގެ ތެރެ ނުހަނު ރީތިކޮން ފެނެއެވެ. އޭނާ އާ އިތުރު މީހަކު ކޮފީ އެއް ބުއިމަށް މޭޒެއް ދޮށުގައި ތިއްބެވެ. އަހުމަދު އެތަނަށް ވަންތާ ގަޑި އިރެއް ވާން ކައިރި ވީ އިރު ވެސް ނުކުންނާކަން ނޫޅުނެވެ. ނަވާރް އުޑުމައްޗަށް ބަލައިލީ ވިއްސާރަ ވާން އުޅޭކަމުގެ އިޝާރާތްތައް ޥާން ފެށުމުންނެވެ. އޭރު ޖެހެމުންދިޔަ ވައިރޯޅިތައް ބާރުވެ ފަޒާގައި ވެސް ތެތްފިނިކަން ހިފައިލައިފިއެވެ.

“ކޮބާ ކުށްވެރިއެއް ފަހަތުންތަ މިއައީ.. ހާދަ ލަހެއް މިވަނީ .. މިތާގަ ތިބޭތާ އަވާ އެއްވަނީ..” ލަސްވާން ފެށުމުން ޒަޔާން ވެސް ކާރުން ނުކުމެފައި އައިސް ނަވާރްގެ ގާތުގައި ހުއްޓުނެވެ. ޒަޔާން ވެސް ބޯ އަރިކޮށްލައިގެން ހުރެ ކެފޭތެރެއަށް ބަލަމުންދިޔައެވެ. ތޮފިއަޅައިފާ ވާގޮތުން ޒަޔާންއަށް އެމީހެއްގެ މޫނު ފެންނަވަރެއް ނުވިއެވެ.

“އެހެންވެ އޭ ނަވާ ބުނީ ކުޑަބެ ކާރީގަ މަޑުކޮށްލަން..ކުޑަބެ ދާން ވީނު.. ނިމުނީމަ ގުޅާނަން ޔަޒަން ވެސް އަންނާނެ” ނަވާރް ފޯނަށް ނަޒަރެއް ދިއްކޮށްލީ ޔަޒަން ލަސްވާން ފެށުމުންނެވެ.

“ނަވާ ބުނިލަހެއް ނުވާނެ އޭ.. ނަވާ އެކަނި ބަހައްޓާފަ ކުޑަބެ ނުދާނަން ..ނިމެންދެން މަޑުކޮށްލާނީ.. ބުނެބަލަ ކާކު ތަ.. ފިލައިގެން އުޅޭ މީހެއްތަ..” ޒަޔާންގެ ސުވާލްތައް އަމާޒުވާން ފެށުމުން ނަވާރް އަށް ހިތްދިރުވާލެވުނެވެ. ބޯ ޖަހައިލި އިރު ދޮގު ހަދަން ޖެހުމުން އޭނާ ހުރީ ނުހަނު އުނދަގުވެފައެވެ. ޔަޒަން ވެސް އެވަގުތު އައުމުން ޒަޔާން ވެސް އިތުރަށް މަޑުނުކޮށް ގެޔަށް ދިޔައީ  ޔަޒަން ކައިރީގައި ނަވާރް ގެޔަށް ލާދޭން އެދިފައެވެ.

“އަޅެ ހާދަ ލަހޭ.. އަވާ އެއް ފަހުން ވިއްޔަ ތި އާދެވުނީ..ކުށް ވެރި އެއް ހޯދަން އައިސް ތިބި ނަމަ ޔަގީނުން ވެސް މިހާރު އެމީހަކު ފިލާނެ..” ޔަޒަން އައިލެއް ލަސް ކަމުން ނަވާރް އަށް ޝަކުވާ ކޮށްލެވުނެވެ. ޔަޒަން ވެސް ހީލަމުން މިއައީ ޔޫޝައު އާއި ދެމީހުން ހުޅުމާލޭގައި ތިބެފައި ކަމަށް ބުނެލިއެވެ.

ދެމީހުން ބަލަންތިއްބައި ދެން ފެނުނީ އަހުމަދު އިންތަނުން ތެދުވި ތަނެވެ. އޭނާ ކެފޭ ތެރެއިން ނުކުން ވަގުތުން ޔަޒަން އާއި ނަޥާރް އެކަކު އަނެކަކުގެ މޫނަށް ބަލައިލާފައި އެދިމާލަށް މިސްރާބު ޖެހިއެވެ.

ގެއަށް ދިޔުމަށްޓަކައި ޖެހިގެން އޮތް އަމީނީމަގަށް އަޅައިލި ހިނދު އަހުމަދު ސިހުނީ ދަންނަ އަޑަކުން ގޮވާލުމުންނެވެ. ފަސް އެނބުރި ބަލައިލި ހިނދު ފަހަތުގައި ހުރި ނަވާރް ފެނުމުން އޭނާގެ ދެލޯ ބޮޑުވިއެވެ. ހީވަނީ ބިރެއް ފެނިގެން ބަލާލި ހެންނެވެ. ދެވަނަ ސިކުންތުގައި  މޫނުމައްޗަށް ވެރިވި ކުލަވަރުތައް އަހުމަދު ފޮރުވާލިއެވެ. އަޅާނުލައި ދާން ހިނގައިގަން ނަމަވެސް ޔަޒަން ކުރިމައްޗަށް އެރުމުން ފިޔަވަޅުތައް ހުއްޓާލަން މަޖުބޫރު ވިއެވެ.

“ތީ ކޮން ކުދިބައެއް.. ކިހިނެތް ވެގެން މަގު ބައްދަނީ..” އަހުމަދުގެ ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއް އުފެދިފައި ވީނަމަވެސް ވާހަކަ ދެއްކީ އަޑަށް ނުހަނު ހަރުކަށިކަން ގެންނަމުންނެވެ.

“އަހަރެމެންނަކީ ކޮންބައެއްކަން ނޭނގޭތި ތަ  ބޭބެ ތި ފިލަނީ.” ޔަޒަންގެ އެންމެ ޖުމްލައަކުން އަހުމަދުގެ ދޫ ބަންދުވިކަހަލައެވެ. ތަނަކަށް ދާން ލަސް ވަނީ ކަމުގައި ބުނެ އަހުމަދު އަނެއްކާ ވެސް ހިނގައިގަތީ  ދުރަށެވެ.

“ޒަކީން އާއި ޔާމީން އަދި އާނާ އާ ބެހޭ ގޮތުން ބޭބެ އަށް އެނގެނީ ކޯއްޗެއް” އަހުމަދުގެ ކުރިމައްޗަށް ހުއްޓެމުން ނަވާރް ބުނެލިއިރު އަހުމަދުގެ މޫނުމަތިން ފެނިގެންދިޔަ ކުލަވަރުން ނަވާރް އަށް އެއްކަމެއް ޔަގީންވިއެވެ. އަހުމަދަށް ކަމެއް ނޭނގޭނަމަ ކުއްލިއަކަށް އޭނާ ހާސްވެގެން ތެޅި ނުގަތީސްކަން އޭނާއަށް އެނގެއެވެ. އަހުމަދަށް އެވަގުތު ފޯނެއް އައުމުން އަވަސް އަވަހަށް ދިޔަގޮތުން ނަވާރް ވެސް ޔަޒަންވެސް މިފަހަރު އޭނާ ހުއްޓުވާކަށް ނޫޅެއެވެ. އޭނާގޮސް ލޮލު ކޮޅަށް ގެއްލެންދެން ޔަޒަން އާއި ނަވާރް ބަލަހައްޓައިގެން ތިއްބެވެ.

“ލެޓްސް ވެއިޓް ފޯރް ހިމް.. އަހަރެންގެ ހިތް ބުނޭ އޭނާ އަދި އަންނާނެ އޭ.. ނަވާ ވައި ޔޫ ޑިޑިންޓް ޓެލް ހިމް އެބައުޓް ސްޓާކިންގް..” ޔަޒަން ނިތް އަރުވާލިއެވެ.

“އޭނާ ގާތު ފާރާލީ ވާހަކަ ފުރަތަމަ އެހި ނަމަވެސް ހިއެއްނުވޭ އާންސްވާ އެއް ދޭނެހެންނެއް ..އެހެންވެ އޭނާ އެންމެ ވީކް ވާނެ ސުވާލް އެންމެ ފުރަތަމަ ވެސް ކޮށްލީ މީ.. ހީވޭތަ ކަމެއް ނުވާނަމަ ނޫނީ އޭނައަށް ކަމެއް ނޭނގޭނަމަ އެހާ ބޮޑު ބަދަލެއް އަންނާނެ ހެން.. ހީ ވޯޒް ލައިކް ވަރަށް ހާސްވެފަ.. ބިރުގަނެފަ..ކަމެއް  އަހަރެމެންނަށް އެނގިދާނެތީ އުޅުނުހެން އޭނާ އެއުޅުނީ ..ނޫންތަ” ޔަޒަން އާ އެކު ހިނގައިގަން އިރު ވެސް ނަވާރް ވިސްނަމުން ދިޔައީ އެކަމާއެވެ. އަހުމަދު ކަމެއް ފޮރުވާކަން ޔަގީންވި ނަމަވެސް އެކަން ދެނެގަންނާނެ ގޮތެއް ނަވާރްއަކަށް ނޭނގުނެވެ. ނަވާރްގެ މޫނުމަތިން ފެނިގެންދަނީ އުދާސީ ކުލަވަރެކެވެ.

“ޑޯންޓް ވޮރީ ..މާދަމާ އިން ފެށިގެން ދެމީހުންވެސް ވީކް އެއްގެ ޗުއްޓީ ލިބޭނެ.. މެރީއަށް ފަހުން އުޅޭނީ މިކަމާ ..  ޑިއުޓީ އަށް ނުކުންނަ ފުރަތަމަ ދުވަހު އިންޝާﷲ މަސައްކަތް ފަށަންވާނެ.. ވީހާ ވެސް އަވަހަކަށް ޒެހެކް އާ ވާހަކަ ދައްކަން ވީ ދެން.. އޭނާ ނުލާ ދެން ނުވާނެ މިކަމެއް.. އިހަށް ސިކުނޑި ތާޒާކޮށްލަން ހިނގާ” ނަވާރްގެ މޫނުމަތީގައި ވި ކުލަވަރު ފެނި ޔަޒަންއަށް ވެސް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ނަވާރް ބޯޖަހައިލުމުގެ އިތުރަށް ބަހެއް ނުބުނެއެވެ. އިތުރަށް ވާހަކަ ދައްކަން މަޑުނުކޮށް މާލަސް ވާން ފެށުމުން ދެމީހުންވެސް މިސްރާބް ޖެހީ ގެއަށް ދިޔުމަށެވެ.

***

ފަތިހުގެ ހިތްގައިމު ވަގުތު ފަޒާގައި ހިފާލައިފާ ވަނީ އަރާމް ތެތް ފިންޏެކެވެ. ޓެރެހުގައި ވާ މާ ބަގީޗާގެ މެދަކަށް ވާހެން ހުރި ބީޗް ޗެއާރގައި ނަވާރް އޮތް އިރު އޭނާގެ ހުރިހާ ވެސް ވިސްނުމެއްވަނީ އަހުމަދާއިގުޅިފައެވެ. ފޯނަށް ނަޒަރް ހުއްޓާލައިގެން އިނީ އެންމެ ފަހުން އެ ނުދަންނަ ޕްރައިވެޓް ނަމްބަރުން ރޭގައި އެންމެ ފަހުން ކޮށްފައިވާ މެސެޖްއަށް ބަލާށެވެ. “ކަލޭ ކައިރީގަ ބުނެފީމެންނު ތިކުރަން އުޅޭ ކަންތައް ހުއްޓާލާށޭ.. ތިކުރާ ކައިވެނިން އެތައް ބަޔަކަޢް ގެއްލުން ލިބޭނެ.. ހަނދާން ކުރާތި ތިކަމުގެ ހިތި ކަލޭގެ އަރުގައި ވަރަށް އަވަހަށް ލާނެ..” ދެލޯ ހަނި ކޮށްލަމުން އެއްފަރާތުގައި ހުރި ކުޑަ މޭޒުމަތީގައި އިން އައިސްކޮފީ ތަށިނަގައި އެއްކޮން ދަމާލުމަށްފަހު އެތަށިވެސް ބޭންދީ ފުދޭވަރަކަށް ބާރަށެވެ. ކައިވެނީގެ ދުވަސް ކައިރިވަމުން ދާ ވަރަކަށް އެބައެއްގެ އުނދަގު ކުރިޔަށް ވުރެން ބޮޑަށް އެބަވެއެވެ. އެކަމާ ނަވާރް އިންތިހާއަށް ބޯ ހާސްވެ ގޮތް ހުސްވި ކަހަލައެވެ. ޔަޒަން އުޅޭލެއް ބުރަކަމުން އޭނާގެ ބޯ ނުގޮއްވާ ނަވާރް މިފަހަރު ނިންމީ ސިއްރު ކޮށްލައިގެން ހުރުމަށެވެ. ފަހުން ވެސް ބުނެލެވި ދާނެތާއެވެ. އޭނާގެ އަތުގައި އޮތް ކުޑަ ނޯޓު ފޮތައް ނަޒަރު ހުއްޓާލިއެވެ.

“އެހެންވީމާ މިހާރު އަހުމަދު…އޭނާއަށް ފަހަރެއްގައި ކޮންމެވެސް އެއްޗެއް އެނގިދާނެ ބައްޕަގެ  މަރާއި ވެސް ގުޅޭ.. ޔަޒަންއަށް ނޭނގި އަދި އަހަރެން އަހްމަދާއި ބައްދަލް ކުރަން ދާންވީ ކަންނޭގެ…ހޫމް އުޅެން ވީ..މައްސަލައަކީ ކައިވެނި މިހާ ކައިރިވެފަ އޮތީމަ” ނަވާރް ގޮތެއް ނިންމިއެވެ. ދެދުވަސް ފަހުން އޮންނަ އޭނާއާއި ޔަޒަންގެ ކައިވެނީގެ ފަހުން އަހުމަދު އާއި ބައްދަލް ކުރަން ދިޔުމަށް އޭނާ ނިންމިއެވެ. އެހެންނޫނީ އޭނައަށް ހަމަނޭވާ ނުލެވޭނެއެވެ. އޭނާ އެކަން ކުރާނީ ޔަޒަން ކައިރީގައި ވެސް ނުބުނެއެވެ. ނޫނީ ފަހަރުގައި ޔަޒަން އެކަން ހުއްޓުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަވާރް އޭނާގެ ޕްލޭން ސިކުނޑީގައި ރާވާލިއެވެ. ނަވާރް އެތެރެއަށް ވަނީ އިރުގެ ފަނޑުފަނޑު ދޯދިތައް ޖައްވަށް ފެތުރިލުމުންނެވެ.

މަޑު ހިނގުމެއްގައި އެތެރެއަށް ވަންއިރު ގޭތެރޭގައި ހުރިހާ އަންހެންވެރިންތައް އުޅޭތަން ފެނުނެވެ. ނަވާރް ކާކޮޓަރީގެ ދޮރާއި ނިވާވެ އެތެރެ ބަލައިލީ މިލީނާ ފެންނަން ހުރިތޯއެވެ. ޒެލީން އުރާލައިގެން ހުރި މިލީނާފެނި އޭނާ ނިވާ ވެލަން އުޅުނެވެ. ނަމަވެސް މިލީނާއަށް ފެނިގެން ގޮވާލައިފިއެވެ. އޭނާ މިލީނާ ދެކެ ގަންނަނީ އަމަށަކު ލަދެއް ނޫނެވެ. ކައިވެނީގެ ހަބަރު ލިބުނު ފަހުން މިލީނާއަށް ނަވާރް ފެނިއްޖެ ނަމަ ހީވަނީ ލޯބިން ކާލަން އުޅޭހެންނެވެ. އާނާ ދެކެ ވީ ލޯބި ނަވާރް ދެކެ ވެސް މިލީނާ ވެއެވެ. ގޮވާލަނީ ވެސް ދަރިފުޅާއޭ ކިޔާ ނުހަނު ލޯބިންނެވެ. ނަވާރް ކައިފިތޯ ބަލަން ކޮންމެ ގަޑިއެއްގައި ވެސް ގުޅާހަދައެވެ. ނަމަވެސް އެގޮތައް ވާހަކަ ދެއްކިނަމަވެސް ކުރިމަތީގައި ހުރެގެން ވާހަކަ ދައްކަން ނަވާރް ލަދުގަނެއެވެ.

“އަހާން ދަރިފުޅާ އާދޭ ސައިބޯން.. ކާކާތަ ތިފިލަނީ ޒޭން ހުރީތަ…” މިލީނާ ޒެލީން ތިރީގައި ބަހައްޓާފައި ދުވެފައި ކަހަލަ ގޮތަކަށް ނަވާރް ގެ އަތުގައި ހިފައިލިއެވެ.

“”ނު..ނޫން ނުފިލަން .. ދޮރުގައި ކުޑަކޮން އަޅާއިގަތީ…”އާގަންނަމުން ކަހަލަ ގޮތަކަށް މިލީނާއަށް ނަވާރް ޖަވާބުދިނެވެ. ނަވާރްއަށް ވީ ގޮތުން މިލީނާ  ގާތައް ހިނިއައިސް ހުރެ ނަވާރްގެ ގެނެސް މޭޒު ކައިރީގައި ބައިންދާލިއެވެ. ތައްޓައް ކާ އެއްޗިހި އަޅާލަ ދީ ފެން ތައްޓަކާއި ކަޅު ސައި ތައްޓެއްވެސް ކައިރިކޮށްލަދީ ނަވާރްގެ ބޮލުގައި ފިރުމާލަމުން ރަނގަޅަށް ސައިބޯން ބުނެލިއެވެ. ނޫރާ އާއި ނަމްރާގެ އިތުރުން މުރުސިދާއާއި ރަހްމާ ވެސް ހުރުމުން ނަވާރްގެ މޫނުމަތިން ފެނިލީ ލަދުރަކި ހިނިތުންވުމެކެވެ. ނަވާރް ލަދުން ހުރުމުން ނޫރާ ވެސް ހުރީ ހިނި އަންނަ ގޮތްވެފައެވެ.

***

އެނދުގައި އުއްޑުން އޮތް އަހުމަދު އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ނިތް މަތީގައި އަތް ބާއްވާލައިގެން އޮތް އިރު ދެލޮލުގެ ދެއަރިމަތިން ކަރުނަތިކިތައް ފިރުކިލާފައި ފައިބައިގެން ދެއެވެ. އެމޫނުމަތިން އެތައް ކަމަކާއި ފިކުރުކުރަމުންދާކަން ހާމަވެއެވެ. އެހެން އޮވެފައި ޖީބުން ފޯނު ނެގުމަށްފަހު އޭނާގެ ފޯނުން ފޮޓޯ އެއް ހޯދާލިއެވެ. ބޭނުންވި ފޮޓޯ ފެނުމާއެކު އޭނާގެ މޫނުން ހިތި ހިނިތުން ވުމެއް ފާޅުވިއެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވެސް ވީ އިތުރެވެ.

“ޒައީ…ހާދަ ހަނދާން ވެއޭ…އަދިވެސް އެދުވަހު އަހަރެންގެ މި އަތުތެރޭގައި މި ކެހިވެރި ދުނިޔެއާ އަލްވަދާއު ކީ ވަގުތު ކޮޅު ސިފަ ވޭ.. އެއީ އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވެ ދިޔަ ވަގުތުކޮޅު..އާހްހް.. އަހަރެން މިދުނިޔެއިން އެންމެ ލޯބިވި ފަރާތް ތިއީ..ޒައީ އަދިވެސް މިހިތައް ކުޅަދާނައެއް ނުވޭ އަދިވެސް ހީވަނީ ހުރިހާ ކަމެއް ހިނގީ އިއްޔެހެން…ޒެހެކް އަށް ވެސް ޒައި ނެތުމުގެ ފަޅުކަން ހާދަ ބޮޑަކަށް އިހްސާސް ވިއޭ.. ޒައީ އަށް އެނގޭތަ ޒެހޭ މެރީ ކުރަން އުޅެނީ.. އިރާދުކުރެއްވީތީ އަހަރެމެން ލޯބި ދަރިފުޅުގެ ހޮވުން ވެސް ވަރަށް ފުރިހަމަ..އެކަމަކު އެއީ ޒަކީންގެ އަންހެނުންގެ އާއިލާ ކުއްޖެއް.. ޒައި ވަރަށް އުފާވާނެކަން އަހަރެންނަށް ޔަގީން… އެކަމް އެކުއްޖާގެ ލޮލުން މަންމަ ކައިރިގައި ހުރި ނަމައޭ ބުނާފަދަ… ހާދަ ހަނދާން ވެއޭ..” އަހުމަދު ވާހަކަ ދައްކަމުންދިޔައިރު ގިސްލެވެން ފެށިއެވެ. އޭނާގެ މޫނުމަތިން ހިތްދަތިކަން ނޫން އިތުރު އަސަރެއް ނުވެއެވެ. ފޯނުގެ ސްކްރީނުން ފެނިގެންދަނީ އަހްމަދާއި އަންހެންނުން ޒައިރާ އާއި އެކު ޒެހެކްގެ އުމުރުން އެންމެ އަހަރެއްގައި ނަގާފައި އިން އެކުޑަ އާއިލާގެ އާއިލީ ފޮޓޯއެކެވެ. ޒައިރާއަކީ ރީތި އަންހެނެއްކަން އެންމެ ބަލައިލުމަކުން ވެސް ހާމަވެއެވެ. ޒެހެކް އަށް ލިބިފައިވަނީ އެރީތިކަމެވެ. ހަގީގަތަކީ އަހުމަދަށް ޒެހެކްއާއި ދުރުން އުޅެވުނީ ވެސް އެސަބަބާއި ހުރެއެވެ. ޒެހެކް ފެންނަ ކޮންމެ ފަހަރަކު ޒައިރާގެ މަތިން ހަނދާން ވެ އަހްމަދުގެ ހިތާއި ރޫހް ރޮއްވާލައެވެ.

އެތައް އިރެއް ވަންދެން އަހުމަދު ކަރުނަ އޮއްސިއެވެ. އެންމެފަހުން އެގޮތުގައި އޮއްވާ  އަޙްމަދު އަށް ނިދުނެވެ.

***

ޔަޒަން އާއި ނަވާރް ތިބީ ކައިވެނީގެ ހެދުން ހެޔޮވަރު ކުރުމަށް ގޮހެވެ. އެމީހުންނާއި އެކު ޒެހެކް އާއި ރިހާމްވެސް އައެވެ.

“..އަބަދު އުޅޭނެ ވެޑިންޑްރެސް ފަހާނެ ގޮތް ނޭނގިގެން.. ވައިފީ މިތާގަ މިހުރި ޑިޒައިންސްތައް ބަލައްޗޭ އިނގޭ” ޔަޒަން އާއި ނަވާރް ހުއްޓާއި ރިހާމް  ޒެހެކް އާއި ވާހަކަ ދައްކަމުންގޮސް ވައިފީ އޭ ބުނުމުން ޒެހެކް ލަދުގަންނަ ގޮތްވިއެވެ. އޭރު ނަވާރް އަނގަ ހަދާލައިގެން ހުރި އިރު ޔަޒަންގެ ގާތައް ހުރި ލާނެތް ހިންނެއް އައިސްފައެވެ.

“ކަލޭމެން ކޮންއިރަކު ތަ އިނީ މާ ވައިފީ ވެގެން މިއުޅެނީ.. އައްޗީ..” ނަޥާރް އަނގައިން އަޑެއް  ލައްވާލަމުން ބުނެލި ގޮތުން ތިންމީހުނަށް ވެސް ހެވުނެވެ.

“ދެން ވާން އުޅޭ އަނބި ގޮއްޔަ އޭނު.. ތިމީހުންނަށް ވެސް ވާނެ އަދި މިހެން ކޮންމެވެސް ދުވަހަކުން.. ބޭބީކޮޅަށް ކަންނޭގެ ވާނީ..”ރިހާމް ޔަޒަން އާއި ދިމާ ބަލައިލިއިރު ހީލައިގެން ހުރީ ދިމާ ކުރާ ފަދައަކުންނެވެ. އޭރު ޔަޒަން ރިހާމްގެ އަތުގައި ވިކާލަމުން ލަދުގަނެފައި ހުރި ނަވާރް ދައްކާލިއެވެ.

“އަދި މި ކޫ ލަދުން އެބޯޅެ އޭނުން .. އަޖައިބެއްނު ލޯބިން ނޫންތަ އިންނަން ތިއުޅެނީ.. މާދަމާ ދެމީހުން ކައިވެނި ކުރެވެން އުޅޭ އިރުވެސް  ތިއޮތް ގަންނަ ލަދެއް.. އާ ޔޫ ގާއިޒް ހެވެންޓް ޑަން އެނީ ކިސް އޯ ހަގްސް..”  އަރިއަކަށް ތުންފަތް ދަމާލައިގެން ހުރެ ޒެހެކް ނަވާރްއާއި ޔަޒަންގެ މޫނަށް ބަލަހައްޓައިގެން ހިނިއައިސް ހުރެ އަހައިލިއެވެ.

ނަވާރްގެ މޫނު ރަތް ވެގެން ދިޔައިރު ޔަޒަންއަށް ވެސް ވީ އެވަރެވެ. ދެމީހުންނަށް ވަމުން މިދާ ގޮތުން ޒެހެކް އަށް ހެވުން އިރު ރިހާމް ވެސް ހެވިގެން އަނގަމަތީގައި އަތްއަޅާލިއެވެ.

“އެހެމް… މިއޮތް އާދެވުނީ..” ނަވާރް އެންމެނަށް ވުރެން ކުރިން ދުވެލާފައި އެތެރެއަށް ވަނެވެ. އެއަމަލުން ތިންމީހުން ގާތައް ހިނިއައެވެ. ޒެހެކް ވެސް ހީގަނެފައި ނަވާރްގެފަހަތުން އެތެރެއަށް ވަނެވެ.ޔަޒަންއާއި ރިހާމް އާ ދެމީހުން އެކަނި ވުމުން ރިހާމް އެހުރިހާ އިރު ހިފަހައްޓައިގެން ހުރި ހިނގަނޑު ބޭރުކޮށްލިއެވެ.

“ކަލޭމެން ދެމީހުން ދޯ.. މައި ގާލް ލަދު ގަންނަ ވާލީނު..” ރިހާމްގެ ގައިގާ ބޮނޑިއެއް އަޅައިލަމުން ލާނެތް ހީލުމަކާއި އެކު ޔަޒަން ބުނެލިއެވެ.

“ކަލޭ ތިހާ ވަރެއް ތިވަނީ ނުކުރާ ކަމެއް ވިއްޔަ.. އެހާ ޕެޝަނޭޓް ކޮން އަދި .. ދެން ކޮން ދުވަހަކުންތަ އެކަހަލަ މަންޒަރެއް ލައިވް ކޮން ފެންނާނީ .. މާދަން ރޭ ޒަޔާން އާއި މިހުރާން ގޮވައިގެން ގޮސް ތިކޮޓަރީގެ އަލަމާރި މަތީގަ ތިބޭނަން …” ރިހާމް ކިޔަން ފެށި އެއްޗަކުން ޔަޒަންއަށް ހެވިއްޖެއެވެ.އެ ސަކަރާތެއްގައި ތިބެ އެތެރެއަށް ވަން އިރު  ނަވާރް އާއި ޒެހެކް ވަނީ ނަވާރްގެ ހެދުން ހެޔޮވަރު ކުރަން ވަދެފައެވެ. ޔަޒަން  ވަނުމުން ކައުންޓަރުން ޒުވާން ފުރައިގެ އަންހެން ކުއްޖަކު ނުކުމެ ސުވާލް ކުރުމުން އެމީހުން އައި ބޭނުން ޔަޒަން ބުނެލިއެވެ. އޭރު ހެދުން ފަހާ މީހާ  ވެސް އައުމުން ޖެހިގެން ހުރިކޮޓަރިއަށް ވައްދާފައި ޔަޒަންގެ ސާމާނުތައް ހެއޮވަރުކުރަން ބުނެލިއެވެ. ދެމީހުން ނިމިގެން ނުކުމެވުނީ އެއްކޮންނެވެ.

” ކޮބާ ނަވާ ޑްރެސް .. ނުވެސް ދައްކާލަމެންނު..” ނަވާރް އަތައް ކޮތަޅު ލައިގެން ނުކުންތައް ފެނިގެން ރިހާމް ޝަކުވާ ކޮށްލިއެވެ.

“ކަމޯން… މާދަމާ  ރޭ ދެން ފެންނާނެ އެންނު… އިޓްސް އަ ސާޕްރައިޒް ބްރޯ” ނަޥާރް ހިނިއައިސްފަ ހުރެ ބުނެލުމުން ރިހާމް އަނގަހަދައިލިއެވެ. ޔަޒަން ވެސް ހީލަމުން ކާރު ދުއްވާލަން ހިނގާބަލާށޭ ބުނެލުމުން ތިންމީހުންނަށް ވެސް އެގޮތް ކަމުދިޔައެވެ.

ރިހާމް ކާރު ދުއްވަން އިން އިރު އޭނާގެ ކޮނޑުގައި ބޯ އަޅާލައިގެން ޒެހެކް އޮތެވެ. ފަހަތު ސީޓުގައި ޔަޒަން އާއި ނަޥާރް ތިބި އިރު ދެމީހުން ކުރެ އެކަކު ވެސް ބަހަކުން ބަހެއް ނުބުނެއެވެ. ދޭތެރެއަކުން ރިހާމް އާއި ޒެހެކްގެ ވާހަކައަށް ޔަޒަން އެއްޗެއް  ބުނެލައެވެ. މިރޭ ރިހާމް އާއި ޒެހެކް ދިމާ ކޮށްލިފަހުން ދެމީހުން ކުރެ އެކަކުވެސް  އިސްވެ ވާހަކަ ދައްކަން ތިބީ ނުކުޅެދިފައެވެ.

ޔަޒަންގެ ނަޒަރު އިރުކޮޅަކާއި ހެން ނަވާރްގެ މޫނަށް ހުއްޓެމުން ދިޔައެވެ. އެރީތި މޫނުގައި މަތީގައިވި ލަދު ރަކި ހިނިތުންވުން ފެނި ޔަޒަންގެ ތުންފަތައް ވެސް ހިނިތުން ވުމެއް ވެރިވެއެވެ.

“އަވަހޭނު މިއޮތް ނިދީ މިހާރު ޒެހޭ… ހޭއި ލަވް..” ރިހާމް ދެތިންފަހަރަކު ގޮވާލުމުން ވެސް ޒެހެކް ނުހޭލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ހުޅުމާލޭގެ މެދެއްހާ ހިސާބުގައެވެ. އަނބުރާ މާލެ ދިޔުމަށް ލަފާ ދިނީ ނަވާރް އެވެ. ޔަޒަން އާއި ރިހާމް ވެސް އެގޮތައް އެއްބަސް ވިއެވެ.

ޔަޒަން ފޯނު ނަގައި އެންމެ ފަހުން ނަވާރްއަށް މެސެޖެއް ކޮށްލިއެވެ.

“ހޭއި ވަޓްސް އަޕް..ކޮންކަމަކާ ތިވިސްނަނީ…މޫނުމަތިން ކަމަކާ ވިސްނާހެން ވަރަށް ހީވޭ” ފޯނުން ރަހުމަތްތެރިއަކަށް މެސެޖެއް ކޮށްލަން އިން ނަވާރް ސިހިފައި ބަލައިލީ ޔަޒަންއާއި ދިމާލަށެވެ. އޭރު ޔަޒަން ނިތް އަރުވާލަމުން ހީލިއެވެ.

“ހާދަ މޮޅޭ..ހެހެ.. އަނެއްހެން ދެން ކަމެއް ނުވޭ.. މިހާރަކަށް އައިސް އަބަދުވެސް ވިސްނޭ އަހުމަދުގެ ކަންތަކާ..ބިރުވެސް ގަނޭ” ނަވާރް ފޮރުވުމެއް ނެތި ބުނެލިއެވެ. ޔަޒަން އަށް އެ މެސެޖް ފެނުމުން އޭނާގެ އަތް ގެންގޮސް ނަވާރްގެ އަތްމަތީގައި ބާއްވާލަމުން ފިތާލިއެވެ. ނަވާރް އާއި ދިމާބަލައިލަމުން ބޮލުގެ އިޝާރާތުން ހަމަޖެހުމަށް ބުނެލިއެވެ.

“ހާސް ނުވޭ.. ކުރިން ބުނިހެން މާދަމާގެ ވެޑިންގް ނިމުނީމަ ދެން މިކަމާ އުޅޭނީ ދޯ.. ޒެހެކް އާއި ވާހަކަ ދެއްކުމުން އަހަންނަށް ވަރަށް ހީވޭ އަލިމަގެއް ފެންނާނެހެން.. ޖަސްޓް ވެއިޓް.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށް ހޯޕް..”ޔަޒަން ނަވާރް އާއި ކައިވެރިވެލަމުން ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ.

ޔަޒަން އާއި އެހާ ގާތުގައި ވުމުން ނަވާރްގެ ހިތައް އެނގުން ވެލައިފިއެވެ. މޫނަށް ޖަންބުކުލަ އަރައިގެން ދިޔަ ހިނދު އަވަސްއަވަހަށް ބޯޖަހައިލިއެވެ. ޔަޒަން  އަނެއް އަތުން ނަވާރްގެ ކޯތާފަތުގައި އަތްޖައްސާލިއެވެ.

“ދެން  ނުވިސްނައްޗޭ.. ޖަސްޓް ފޯކަސް އޮން ވެޑިންގް..” ޔަޒަންގެ އެގާތްކަމުން ނަގަން ވީ ކޮން މާނައެއްކަމެއް ނަވާރް އަކަށް ނުވިސްނުނެވެ. އެއިންގޮތައް އިނދެ ނަވާރް ބޯ ޖަހައިލިއެވެ. ދެމީހުން ވެސް ސިހުނީ ޒެހެކް ހޭލެވިގެން ވާހަކަ ދެއްކި އަޑަށެވެ.

އޭރު އެމީހުންނަށް ވަނީ ޒެހެކް ގެ ގެޔާއި ހިސާބަށް އާދެވިފައެވެ. ދޮރުމަތީގައި ހުރި އަހުމަދު ވެސް ނަވާރް އަށް ފެނުނީ އެވަގުތުއެވެ. އަހުމަދު އެމީހުންނާއި ދިމާބަލާ ވެސް ނުލާ ކާރުގެ ކުރީ ސީޓުގައި އިން ރިހާމް އާ ވާހަކަ ދެއްކިއެވެ.. ނަވާރް އެހިސާބުގަނޑަށް ބަލައިލީ ދިރާސާ ކުރާ ފަދައަކުންނެވެ. މާލޭގައި އުޅޭ ބޮޑުވިނަމަވެސް ކުރިން އައިސްފައި ނުވާ ހިސާބެކެވެ. ފެންންނީ ވެސް ފުދޭވަރަކަށް ފަޅުކޮންނެވެ.

“ކޮބާ ދަނީ …މާދަން ފަތިހު ދާނަން އިނގޭ” ޒެހެކް، ނަވާރްގެ ގައިގާ ބައްދާލުމަށް ފަހު ނުކުމެގެން ދިއައެވެ.

“ތަންކޮޅެއް އަވަހަށް ދުއްވަބަ.. އަހަރެން ނިދި އަންނަ ވަރުން..” އާފުރެން ފެށުމުން ނަވާރް ބޭނުންވީ އަވަހަށް ގެޔަށް ދިއުމަށެވެ. ރިހާމް ވެސް ބޯޖަހައިލަމުން ދުވެލި ބާރުކޮށްލިއެވެ.

“ހެނދުނު އަންނާނަން ބަލާ… ގެޓް ރެޑީ..” ގެޔާއި ހިސާބަށް އާދެވުމުން ނަވާރް ނުކުތުމުން ޔަޒަން ކާރުގެ ދޮރުން ބޭރަށް ބޯ ދިއްކޮށްލަމުން ގޮވައިލިއެވެ. ނަވާރް ވެސް ހީލަފައި ބޯޖަހައިލަމުން ގެޔަށް ވަނީ މާ ލަސްވާން ފެށުމުންނެވެ.

***

އާދުވަހަކަށް މަރުހަބާ ކީއިރު ހީވީ ހިނިތަކެއް ހޮރުތަކުން ނުކުމެތް ހެންނެވެ. ނަވާރް އާއި ޔަޒަންގެ ކައިވެނީގެ ދުވަސް ކަމުން ހުރިހާ އެންމެ މިސްރާބު ވެސް ހުރީ މިލީނާ މެންގެ ގެޔަށެވެ. ހުރިހާ ތައްޔާރީތަކެއް ވާން ހަމަޖެހިފައިވަނީ އެގޭގައި ކަމަށް ވީތީއެވެ.

“ދަރިފުޅާ ބަސް އަހައިގެން މަންމަ ދިން ތަރުބިއްޔަތުގައި ހިފައިގެން ރަނގަޅަށް އުޅޭތި..އެގޭ މީހުންނާ ގުޅިގެން އުޅޭންވާނީ ..މިލީ އަކީ އަންހެން ކުއްޖަކަށް ލިބޭނެ އެންމެ ރަނގަޅު މައިދައިތަ..ކިހާ ލޯބިވޭދޯ ދަރިފުޅު ދެކެ” ކައިރީގައި ނަވާރް ބައިންދައިގެން ނޫރާ ދިޔައީ އެތަކެއް ނަސޭހަތެއް ދެމުންނެވެ. ކައިރީގައި މީޝަމް އާއި މައިޝާ އާއި ނަމްރާގެ އިތުރުން ރަހުމާ ވެސް ތިއްބެވެ.

“މީނަ ކޮން ހިންޏެއްތަ މި އަންނަނީ..ކުޑާ އެ ކިޔާ އެއްޗިހިން މީޝް ވެސް އަޑު އަހަންވީ.. މާދަމާ ނޫން ކަމެއް ނޭނގޭ ސޮރެއް ގޮވައިގެން އައިސް އިންނަން ބޭނުމޭ ބުނާނީ..” ނޫރާ ބުނާ ކޮންމެ އެއްޗަކަށް ނަވާރް ބޯ ޖަހައިމުން ދިޔަ ގޮތް ފެނި މީޝަމް އަށް ހެވުނު ވަގުތު ނަމްރާ ބުނެލިއެވެ.  ނޫރާ އިންދާ އެހެން ބުނުމުން މީޝަމް ލަދުގަންނަ ގޮތްވިއެވެ. އޭރު ހުރިހާ އެންމެން ހޭންފެށިއެވެ.

“ކުޑޫ އެ ދުވަސް އެހާ ދުރެއް ނޫން ހެން ހީވަނީ..” މީޝަމް އަށް ބަލައިލަމުން ނަވާރް ބުނި އިރު އެމޫނުމަތީ ގައިވަނީ އިންތިހާ ލާނެތް ކަމެވެ. “އެބުނާހެން މަންމަ ހުންނާތި ވިސްނައިގެން..” ފޯރި ހިފައިލީ މައިޝާ ވެސް ނަވާރް އާއި އެއްބައިވުމުންނެވެ.

“އޭން މި ކޮއި ނުވެސް ބުނޭ މަންމަ ކައިރީގަ.. ކާކާ ތަ ދަރިފުޅު ރައްޓެހިވެގެން ތިއުޅެނީ..ސަދަފުތަ.. ބުނޭ މަންމަ ކައިރީގަ..” ނަމްރާ ކުރު ނުކޮށް އަހަން ފެށުމުން މީޝަމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލަދުން ގޮސް މީހާ ވިރޭވަރުވިއެވެ. ނޫރާގެ ނަޒަރު އަމާޒް ވި އިރު ހީވަނީ ކަމެއް ދެނެގަންނަން އުޅޭ ހެންނެވެ. ނުހަނު ޖާސޫސީ ހިނިތުންވުމެއްގައި ހުއްޓެވެ.

“ނޫން ސަދަފް އެއް ނޫން..އެ ހަމަ ވަރަށް ގާތް ރައްޓެއްސެއް…އަދި އެކަކާ ވެސް ރައްޓެއްސެއް ނުވަން..މި ނަވާ މެން ކިޔާނެ އެއްޗެއް ނޭނގިގެން އެއުޅެނީ..” މީޝަމް ލޯ އަޅާލަމުން ނަވާރް އާއި މައިޝާގެ ގައިގާ ބޮނޑިއެއް އަޅާއިލިއެވެ.

“މީޝް ސިންގަލް ވާނެތަ .. މިގޭތެރޭން ވެސް ބިޓެއް ނަގައިގެން އުޅެފާނެ.” މައިޝާ ވަރަށް ހަމަޖެހިލައިގެން  ހުރެ ބުންނެވެ.

“މިގޭ ތެރޭންނޭ.. ކާކުތަ މިގޭން …ޒަޔާން އޭނު މިގޭގަ ހުރީ.. ނޯ ވޭ..” ރަހުމާ ބުނެލި އެއްޗަކުން މީޝަމްގެ ދެލޯ ބޮޑުވާ ގޮތްވިއެވެ. ނަވާރް އިސްޖަހައިލި އިރު ހިނިއައިސްގެން އޭނާއަށް ކޮޅަށް ވެސް ނުހުރެވޭ ވަރުވިއެވެ.

“ނޫނޭ.. މިގޭގަ ތިރީގަ ކުއްޔަށް  ވެސް  ބައިވަރު މީހުން އުޅޭނުން… ނިކަން ރީތި ސޮރު ސޮރު އުޅޭ.. އިހަށް ދުވަހު ނާއިފް ގޮސް ކީ މީޝް އެބަހުއްޓޭ ނިކަން ރީތި ފިރިހެން ކުއްޖަކާ ވާހަކަ ދައްކަން  .. ވެދާނެ ދޯ އެހެން ވެސް ..އެ ވާހަކަ މިބުނީ..” މީޝަމް ހުރި ހާލުން މައިޝާ ހިތައް އުނދަގު ވެގެން މޮޅު ވާހަކައެއް ހަދައިލައިފިއެވެ.

“ކުޑާ އަކަށް ވެސް ހިޔެއް ނުވޭ މީއްކޮ ސިންގަލް ހެނެއް .. ނަވާ އުޅުނު ހެން ވަގަށް އުޅެފަ ކަންނޭގެ ނިންމާލާނީ.. އެ ޒަޔާން ވެސް އެހެން އުޅެނީ ހަމަ.. މިދެމީހުން އުޅޭ ގޮތް ހާދަ އެއްގޮތޭ ” ނޫން ކަމަށް ހަދާލަމުން ނޫރާ ބުނެލިއެވެ. އެއާއެކު މީޝަމްގެ މޫނު އިހުނަތް ވުރެން ރަތް ވިއެވެ. ހުރިތަނަށް އަނބުރައި ގަންނާނެ ނަމައޭ ވެސް އޭނާގެ ހިތައް އެރިއެވެ.

އޭރު ނަވާރް އާއި މައިޝާ ގެ ހިނިގަނޑު މަތަ ނުވެގެން އެބަ އަންނަން ކަމުގައި ބުނެ އެތަނުން ނުކުމެއްޖެއެވެ.  ދެމީހުން ސިޓިން ރޫމާއި ހިސާބަށް ދެވުން ހިނދު އެހުރިހާ އިރު ހިފަހައްޓާއިގެން ހުރި ހިނިގަނޑު ބޭރުވެއްޖެއެވެ. ހީހީ ގޮސް ދެމީހުން ސޯފާއަށް ދެމުންއިރު ލޮލުން ފެން ވެސް އާދެއެވެ. އެމީހުން ހޭ އަޑަށް ބަދިގޭގައި ކޮފީއެއް ބޯން އުޅުން ޒަޔާން އާއި މިހުރާން  ވެސް ނުކުމެއްޖެއެވެ.

“ކީއްވަނީ.. ހާދަ ވަރަކަށޭ ތި ހެނީ ” ދެމީހުން ހޭވަރުން ބޮލަށް އުނދަގު ވެގެން  އެމީހުންގެ ފަހަތުން ނުކުން އަޒާން ވެސް އަހައިލިއެވެ. މައިޝާއަށް ވާހަކަ ނުދެއްކިގެން ފޯނު ނަގައި އަޒާންއަށް މެސެޖެއް ކޮށްލިއެވެ. އަޒާން ފޯނުނަގައި ބަލައިލި ހިނދު ހެވިއްޖެއެވެ. އޭރު ހަލުވި ސްޕީޑްގައި އެދިމާލަށް މީޝަމް ފެނުމުން ތިން މީހުންގެ ހުނުން ގަދަވިއެވެ.

“ކިހިނެތް ވީތަ އަޅެ.. ޖިންނި މޮޔަ ވީތަ..” ވީގޮތެއް ނޭނގިގެން ބަދިގެ ދޮރުކައިރީގައި ހުރެ ޒަޔާން އަހައިލިއެވެ.

“މިއޮތް އަންނަނީ ތިޔަ ބުނާ ޖިންނި..” އަޒާން ނުހުރެވިގެން ހޭންފަށައިފިއެވެ. މީޝަމް އަތް ފުރަގަހަށް ލައިގެން އައި ގޮތައް ހުއްޓުނީ މައިޝާއާއި ނަވާރްގެ ގާތުގައެވެ. މީޝަމް އަންނަ ތަން ފެނުމުން ޒަޔާން ދޮރާ ފުރަގަސް ވާހެން އެނބުރިލުމުން އޭރު އަދި އޭނާގެ ލޮލުގައި ޒަޔާން އަޅާއެއް ނުގަނެއެވެ.

“މިއަދު ނަވާގެ ވެޑިން ވީމަ.. އެހެން ނޫންނަމަ ތި ދެމީހުންނާ ގުޅުން ކަނޑާލީމުސް….”  ފުރަގަހަށް ލާފައިވާ އަތުގައި އޮތް ފެންފުޅި ނަގާ މައިޝާއާއި ނަޥާރް ގަޔަށް އަޅާ ރަނގަޅަށް ތެއްމާލިއެވެ.  އެއާއެކު އެދެމީހުން ފިނިވެގެން ހަޅޭއްލަވައިގަތެވެ.

“މިއަދި ކުޑަ ވަރެއް ޔަޒަން ފެނުނީމަ ބަލައްޗޭ ނަވާއަށް ހަދާލާ ގޮތް ..” މީޝަމް ރުޅިއައިސްފައި ހުރި އިރުވެސް ދެމީހުން މާފަށް އެދިއެދިފައި ވެސް ހެއުން ނުހުއްޓިއެވެ.

“ކީއްތަ ވީ.. ދޮންބެގެ ދޫނިކޮޅު ތުންބުރި ހާދަ ދިގޭ” މީޝަމް ރުޅި އައިސްފައި ހުރުމުން މިހުރާން ސަމާސާކޮށްލިއެވެ.

“ކިހިނެތް ނުވަނީ .. ދެން ނުކެރޭނެ ކުޑާ އާއި ހަތަރު ކަޅި ހަމަ ކުރަން ..ނުވިތާކަށް މިގެއަށް ވެސް އަންނަން .. މިތިބަ ދެމީހުން ކަންތައް.. ދެން ހަމަ އަޅުވާ ކިޔަން ވެގެން ދިމާ ކުރަމުން ގޮސް ކިރިޔާ ހާޓް އެޓޭކެއް މަށައް ނައީ.. އަދި ބުނެފި އޭނު ސަދަފް އެއް ނޫނޭ މިގޭގަ އޭ މީޝް ގެ ބީ އެފް އުޅެނީ.. ބްރޯ ކިލް މީ އިންސްޓެޑް..” މީޝަމް ހިތް ފުރެންދެން ދެމީހުންގެ ގައިގާ ތަޅައިގަތެވެ. ދެންމެ ވީ ކަންތައް ފޮރުވުމެއްނެތި މިހުރާން އަށާއި އަޒާން އަށް މީޝަމް ކިޔައިދިނެވެ. މިހުރާން އަށް ވެސް ޒަޔާން އާއި މީޝަމް އާއި އަޅުވާ ކިޔާކަން އެނގޭނެތީ މީޝަމް ކޮންމެހެން ސިއްރު ކުރާކަށް ނޫޅޭއެވެ. މީޝަމް ކިޔައިދެމުން ދިޔަ ވަރަކަށް އެހެން މީހުންނަށް އިތުރަށް ހެވުނީ ޒަޔާން ހުރިކަމެއް ނޭނގި މީޝަމް އެހުރިހާ އެއްޗެއް ކީމައެވެ. ވާހަކަ ދައްކަމުން ގޮސް ދެތިން ފަހަރަކު ޒަޔާން ދެކެ ވަރަށް ފޫހިވެއޭ ވެސް ބުނެލައިފިއެވެ.

“އައްދޯއި މަގޭ ގައިން ހަން ދުއްވާލައިފި..މިރޭ އެތާގަ ހުންނަން ވަރެއްވެސް ނެތް..މީޝް ދެން ތިދެމީހުންގެ ކަންތައް އެއީ ކޮންމެވެސް ދުވަހަކުން ވާނެ ކަމަކެއްނުންތަ” ނަވާރް އަތުގައި ފިރުމަމުން އަނގަހަދައިލިއެވެ.

“އެތާގަ ހުންނަން ވަރު ނެތަސް ކޫ ފެނުނީމަ ރޫމްއަށް ވަދެ ދެން ވަރު ހުންނާނެ އެންނު..”މައިޝާ ލާނެތް ކަމާއިއެކު ބުނެލިއެވެ. ރުޅި އައިސް އިން މީޝަމް ވެސް އޭރު ހިނިއައިސް އިނެވެ.

“ފާޑު ފާޑު އެއްޗިސް ނުކިޔާ ތިބޭ.. މީޝް ބުނެބާ އޭނާ އަހައިފިއްޔާ ވަޓް ވިލް ޔޫ ސޭ ..” ލަދުގަތުމުން ނަވާޜް ވާހަކަ އޮޅުވާލިއެވެ. އެކަން އެނގިގެން އެންމެން ދިމާ ކުރަންފެށިއެވެ.

“އަހަރެންތަ.. ތިކިޔަނީ އެ ޒަޔާނު ވާހަކަ ތަ.. ހެޔޮނުވާނެ އަހަންނާ އޭނަ އާއި އަޅުވާ ނުކިޔާބަލަ.. އޭނާ ޖީ އެފް އެއް ހުރެޔޭ… އަހަރެމެން އޮފީހުގައި އުޅޭ ރަންނަމާރި އާއި އޭނާ އާއި ކަމެއް އޮވެޔޭ ވެސް ކިޔާ..މިބުނީ ޝިއުރާ” އުނގުގައި އޮތް ކުޝަން ނަނގަމުން ނަވާރް އާއި ދިމާލަށް އެއްލިއެވެ.

“ކާކު ބުނީ މަށާއި ޝިއުރާ އާ ދެމީހުން އުޅެނީ ރައްޓެހިވެގެންނޭ.” ދޮރުގައި ލެގިލައިގެން އެހުރިހާއިރު ކޮފީ  ޖޯޑެއް ހިފައިލައިގެން ހުރި ޒަޔާން އެންމެ ފަހުން ބުނެލިއެވެ.

ޒަޔާންގެ އަޑު އިވުމުން މީޝަމް އަށް ހުއްޓުން އެރިއެވެ. މީހާ ގަނޑު ވިހެން ވެސް ހީވިއެވެ. “ބްރޯ ތިތާ ހުރެ ހުރެ ދެފައި ވާޅު ވެއްޖެ އެންނު ދެން އާދޭ..” މިހުރާން ހޭން އިނދެފައި ބުނެލި އެއްޗަކުން މީޝަމްއަށް ކަރު އެލުވާލެވުނެވެ. ޒަޔާންއެތާގައި ހުރި ވާހަކަ ނުބުނުމުން މީޝަމްއަށް މިހުރާން އާއި ދިމާ ވެސް ބަލައިލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. ޔަގީނުން ވެސް ދެންމެ އޭނާ ކީ ހުރިޙާ އެއްޗެއް ވެސް ޒަޔާން އަށް އިވޭނެއެވެ. އޭނާއަށް އިންތަނުން ގުޑުވާ ނުލެވި އިންދާ ފަހަރަކު މީހަކު ދަމުން ގޮސް އޭނާ އާއި ޒަޔާން އެކަނި ވިއެވެ. މީޝަމްގެ ހިތް ތެޅެމުން ދިޔައީ އިންތިހާއަށެވެ.

***

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު