“ނަވާ.. މިއޮތީ އަހަރެން މި ރޫމް އިން ހޯދި ސާމާނު… ނަޥާ ބުނީމެންނު އޭސީ ހަދަން އައި މީހާ ފާޑަކަށް ބެލިއޭ ދޯ… އަހަންނަށް ޝައްކުވެގެން ބެލީ ތަންތަން.. އަހަރެންގެ ހިތް ބުނޭ އަދިވެސް ވާނެއޭ މީގެ އެއްޗިސް ގޭގެ އެކި ސަރަހައްދުގަ .. ދެގަޑި އިރު އެމީހަކު އައިސް ހޭދަވި ވާހަކަ ބުނީމެންނު..” އާނާގެ ފޯނަށް އެންމެފަހުން ކޮށްފަ ހުރި މެސެޖްތައް ސިއްރުކުރަމުން އާނާއަށް ފެނުން ސާމާނުތައް ނަވާރް އަށް ދައްކާލިއެވެ.
އާނާގެ ވާހަކައިން ނަވާރް ސިހުނެވެ. އޭނާގެ ފޯނަށް ވެސް އިންޒާރުތައް ލިބޭ ސަބަބު މި އެނގުނީތާއެވެ. އެބަޔަކަށް އެމީހުން ކޮންމެ ކަމެއް ކުރިޔަސް އެނގެއެވެ.
“މި ދޯ މި ވާގޮތަކީ.. ބޭރަށް ގޮސް އައިސް ވާނެ އަދި އިތުރު ތަންތަން ބަލަން … އާންން ވަރަށް ލަސްވި އެރޭ …އެހަދަން އައިސްދެ މީހަކު އުޅުނު..އެކަކު ހީވަނީ ހަމަ ކަޅި ޖަހާ ނުލާ ބަލާ ވަރުނ ރޮލާ ކާލަން އުޅޭހެން….އެހާ ނުބައި ފާޑަކަށް ބަލަން ހުރީ.. މާދަން ދޮންބެ ކައިރިގަ ބުނާނަން ކެމެރާ ލުމުގ ކަންތައް އަވަސް ކުރަން .. ބިލްޑިންގްގަ ކުރިން ހުރި ކެމެރާ ތައް އާކުރަން ވެގެން ނައްޓާފަ މިދުވަސްކޮޅު ހުރި ވެސް.. ” ނަވާރް އަށް ފުންނޭވާ އެއް ދޫކޮށްލެވުނެވެ. ޔަޒަން އޭނާގެ ފޯނަށް ކޮބާ ހޭ ކިޔާ މެސެޖެއް ކޮށްލުމުން އެވަގުތު އިތުރު އެއްޗެއް ހޯދާންވަގުތު ނެތުމުން ބޭރަށް ނުކުތެވެ. ދުވަސްތަކަށް ފަހު ވިއްސާރަ ވެސް ވީ އެރެއެވެ. ނަވާރް އަށް އާނާ ގޮވައިގެން ސިޓިންރޫމުއަށް ނުކުމެވުން އިރު ޒަހުރާން އާއި އަލާނާ ވެސް އެމީޙުން އިންތިޒާރުގައި ތިއްބެވެ.
ޒަހުރާން މެން ބޭރަށް ދާން އުޅެނިކޮން ނޫރާގެ އެދުމުގެ މަތިން ނަވާރްމެން ގޮވާގެން އެމީހުންގެ މަންޒިލަށް ގެންގޮސްދޭން އެދުނެވެ. އެދެކުދިން އެކަނި ފޮނުވަން ޒަހުރާންވެސް ބޭނުމެއް ނުވެއެވެ.
“އޯކޭ ތޭންކިއު ދޮންބޭ.. ނިންމާފަ ގުޅާނަން .. ނަޥާގެ ފޯނު ވަރަށް ސަކަރާތް ވެފަ މިއޮތީ ސިޑިން ވެއްޓިފަ.. ފޯނު ނުނަގައިފިއްޔާ ނާނާ އަށް ގުޅާލަ..” ނަވާރް، ޒަހުރާންއަށް ސުކުރު އަދާ ކުރުމަށްފަހު ނަވާރް މަގަށް ބަލައިލީ ފައިބާނެ ގޮތަކާއި މެދު ވިސްނާފަދައަކުންނެވެ.
“އޯކޭ ޑާލިންގްސް.. ހާދަ ވިއްސާރަ ވެއްޖެއޭ.. ނުތެމި ކިހިނެތް ދާނީ ވެސް.. ދުވެފަ ކަންނޭގެ ދާން ޖެހޭނީ.. ތިއޮތް ކުރިމަތީގަ އޮތް ކާރު އޮތްގޮތުން އުނދަގުވާނެ ދޮންބެއަށް ކުރިއަށް ޖެހެން ވެސް..” ޒަހުރާން ބަލއިލީ ކުޑައެއްވެސް އޮތްތޯއެވެ.
“މީނަ އަދި ކުޑަ ވެސް ކާރުގަ ނެތް ދޯ ބަހައްޓާފައެއް.. މިކަހަލަ އެމަޖެންސީ ނައިޓްއަކުވެސް މުޅިން ސަކަރާތެންނު ..” އަލާނާ ޒަހުރާންގެ ފަލަމަސްގަނޑުގައި ވިކާލިއެވެ.
“އެ އޯކޭ ..އަހަރެމެން ކުޑަކޮން ދުވެލާނީ ދޯ ނާނާ…” ހިނިއައިސްފައި ނަޥާރް ބުނެލުމުން އާނާ ވެސް ބޯ ޖަހައިލިއެވެ. ދެމީހުން އަތުގަ ހިފައިގެން އެ ބޯވާރޭގެތެރޭގައި ދުވެލައިފާ ގޮސް ކުރިމަތިން ފެންނަން ހުރި “ސްކައި ބްލޮސަމް” ރެސްޓޯރެންޓް ހުންނަ އިމާރާތައް ވަދެވުންއިރު ކުޑަކޮން ތެމިއްޖެއެވެ.
“ނިމިގެން ދަމުން ވާނެ ދޯ ތެމިލަން … ދޮންބެ ކާރު ހަޑިކޮށްލަން ކާރަށް އަރާނީވެސް ތެމިގެން..” އާނާ ހީލާއިފައި ބުނެލުމުން ނަވާރްއަށް ވެސް މަޖާވިއެވެ. ދެމީހުން ހެމުން ހެމުން ބާރަ ވަނަ ފަންގިފިލާގައި ހުންނަ ރެސްޓޯރެންޓްއަށް ދިއުމަށް ލިފްޓަށް އެރިއެވެ.
ދެމީހުންގެ ކޮންމެ އިޝާރާތަކަށް ފާރައަށް ދެމީހަކު ތިބި ކަމެއް ކުޑަކޮން ނަވާރް އާއި އާނާ އަކަށް ރެއަކާ ނުލައެވެ. ކަޅު އެއްޗިހުނުގައި ފޮރުވިގެން ތިބިއިރު އިރު ސިއްރުވެރިއެވެ.
ރެސްޓޯރެންޓަށް ވަދެ ޕްރައިވެޓް އެންޓްރެންސްތައް ހުރި ހިސާބަށް ދެވުމުން ނަޥާރް ފުންނޭވާއެއް ލިއެވެ. އެހިސާބުގައި މުޅިންވެސް ވަނީ ކުދި ކުދި ކޮޓަރިތަކެވެ. ކުދި ކެބިންތަކެއް ފަދައެވެ. އެއީ ހަމަހިމޭން މާހައުލެއް ގައި ކެއުމަށް ނުހަނު ހިތްފަސޭހަ މާހައުލެކެވެ.
“ނާނާ އަހަންނަށް އިތުބާރު ކޮށްފަ މިތަނަށް މިއަދު ތިއައީ ..އަހަރެން ނާހާށޭ ބުނީމަ ޓްރަސްޓް ކޮށްފަ ނުވެސް އަހާ ކާކާތޯ މީޓު ކުރުވަން އައީ ވެސް…ތަޅުވާލެވިއްޖެ ދޯ ވަރަށް.. އަމް ސޮރީ ..” ނަޥާރް އާނާގެ އަތުގައި ހިފާލި އިރު ދާދި ދެންމެ އަކާ ޖެހެންދެންވެސް ނުހަނު މަޖާވެފައި ކުއްޖާގެ މޫނުމަތިން މިޙާރް ފެނިގެންދަނީ ކޮންވެސް ހާސްކަމެކެވެ.
“އަހަރެން ނަވާ ނޫނީ ދެން ނެތް މިހާ ޓްރަސްޓް ކުރާ މީހެއް…އިގޭ ގޯސް ނަތީޖާއެއް އަންނަ ފަދަ ކަމެއް ނަވާ ނުކުރާނެކަން … ހިނގާ ވަންނަމާ..” އާނާގެ ޖަވާބު އަހާފައި ނަވާރްއަށް ތުންފަތުގައި ގަނެވުނެވެ.
“ލެޓްސް ގޯ …” އާނާގެ އަތުގައި ހިފައިގެން ނަޥާރް ދޮރު ހުޅުވާލަ ދިން ހިނދު ފެނުނު ބަޔަކުން އާނާ ދެލޯ ބޮޑުވިއެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރެ ނަޥާރް އާއި ދިމާ ބަލައިލި ހިނދު ނަވާރްއަށް އާނާއާއި ހަތަރު ކަޅި ހަމަ ކުރާނެ ހިތް ވަރެއް ނުލިބުނެވެ. ނަވާރް އަށް ކުރެވުނުހާ ވެސް ކަމަކީ ދުރު ބަލައިލެވުނީ އެވެ.
އާނާ ދިމާކޮށްލީ އަވަސްވީ ގޮތަކަށް އެތަނުން ބޭރަށް ނުކުތުމަށެވެ. ނަވާރް ވަގުތުން އާނާ ހުއްޓުވާ ދެފަރާތައް ބޯ ހޫރުވާލި މިއަދު ނުދާށެ ބުނާ ފަދައަކުންނެވެ. ” ނާނާ .. އަމް ސޮރީ .. ފޭސް އިޓް..” ނަވާރް ހަމައެކަނި އާނާ އަށް އިވޭހާ މަޑުން ބުނެލިއެވެ.
“ދަރިފުޅާ މިއަދު ނުދޭ… މަންމަގެ ނާނާ..”ނަވާރްގެ އަތް ފޮޅުވާލުމަށް ފަހު ދުވައިގެން އާނާ އަތުގައި މިފަހަރު ހިފެހެއްޓީ މިލީނާއެވެ. މަންމަގެ ގާތްކަން އެތައް ދުވަހަކަށް ފަހު އިޙްސާސް ވުމުން އާނާގެ ދެފައިގާ ހީވީ ކަސްތޮޅު އެޅުވުނު ހެންނެވެ. ދެލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް އިޙްތިޔާރެއް ނެތި ކޯދު ލާފައި ފައިބަން ފެށިއެވެ.
މިލީނާ އަށް ފުރަގަސް ދީގެން ހުރި އާނާ ގެ ގައިގާ ހިފައިގަނެ މިލީނާ އަށް ރޮމުން ދިޔައިރުވެސް ޖެހި ބުދެއް ހެން އާނާއަށް ހުރެވުނީއެވެ.
ދުރުގައި ހުރި ޔަޒަންގެ މޫނުމަތީގައި ވަނީ މޮޅިވެރިކަމުގެ އަސަރެވެ. އެތަކެއް ދުވަސްތަކެއް ފަހު ފުރާނަފަދަ ލޯބިވާ ކޮއްކޮ އަނެއްކާ ވެސް ފެނުނު އިރު މިދައްކާ ބީރައްތެހިކަމުން ޔަޒަންގެ ހިތައް ތޫނު ތަދެއް އިޙްސާސް ވަމުންދިޔައެވެ. ޔަޒަންގެ ދެފައި ހަރަކާތް ކުރި އެދެމައިގެން ގާތަށެވެ.
“އާނާ.. ތި ވެގެން އުޅޭ ގޮތެއް ކިޔައި ދީ ފާނަން ތަ.. ހަމަ ހުރެފައި ކުއްލިޔަކަށް ގެއިން ނުކުމެގެން ދާން ވޭތަ.. ވީ ގޮތެއް ވެސް ބުނިއްޔެއް ނޫން .. ދެން ދުރު ބައެއްގެ ކާރީގަ ދެއަހަރުވަންދެން ހުރީ ..އެދުވަހު ދެއްކި ބީރައްޓެހިކަން މިއަދު އަނެއްކާ ވެސް… މިހުރިހާ ކަމެއް ނުވާނެ އާނާގެ އަނގަ ހުޅުޥާފަ ކިޔައިދެނިކޮން..” ޔަޒަން ހުއްޓި ރޮމުން ދިޔަ އާނާގެ ހުއްޓި ބުނެލި އިރު އަޑުގައި ވީ ހިތާމައި ސަކުވާގެ ކުލަވަރެވެ. ޔަޒަން މިލީނާ އަތުގައި ހިފައި ނުރޯށޭ ބުނެ ހުއްޓުވަން މަސައްކަތް ކުރިއެވެ.
“ދައްތާ .. ހުއްޓާލަ.. އާނާ ގާތުން އޮޅުން ފިލުވަން ބޭނުންވާ އެއްޗެއް ސާފް ވާނީ ވެސް އޭރުން..ދައްތަ ރުއީމާ އާނާގެ ހިތްވަރުވެސް އެލޭގޮތް ވާނީ” މިލީނާ ރޯވަރުން ނަވާރްގެ ހިތައްވެސް ނުހަނު އުނދަގު ވިއެވެ. އޭނާ ޔަޒަންގެ އަތް މިލީނާގެ ގައިން ނައްޓުވާފައި ޔަޒަން އާއި ދިމާ ބަލައިލީ އާނާ ދައްކާލަމުންނެވެ.
ޔަޒަން ނަވާރްގެ ލޮލަށް ބަލައިލާ ބޯޖައިހައިލަމުން އާނާގެ އަތުގައި ހިފައިގެން ގެންގޮސް މިލީނާގެ ކައިރީ އިން ގޮނޑީގައި ބޭންދިއެވެ. އޭރު ދެމީހުން ކޮންމެވެސް ވަރަކަށް ތިބީ ހަމައަކަށް އެޅިފައެވެ. މޭޒުމަތީގައި އިން ޓިޝޫ ފޮށިން ދެ ޓިޝޫއެއް ނަގާ އެކަތި އާނާ އަށް ދިއްކޮށްލަމުން އަނެއް ޓިޝޫއިން މިލީނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވަރަށް ލޯބިން ފުހެލަ ދެމުން ދިޔައެވެ.
ޔަޒަން މިލީނާ ދެކެވާ ލޯބި ފެނި ނަވާރްއަށް ވެސް ހީލެވުނެވެ. ނަޥާރް އަށް އާނާ އާއި ދިމާ ބަލައިލެވުނީ އާނާގެ ފޯނަށް މެސެޖެއް އައި އަޑު އިވުމުންނެވެ. މެސެޖްގައި އޮތީ ކޮންމެވެސް ބިރުވެރި ހަބަރެއް ހެން ހީވީ އެ މެސެޖް ފެނި އާނާ ތެޅިގަންގޮތުންނެވެ. ޔަޒަން މިލީނާ އާއި ވީ ފަރާތައް އެނބުރިގެން ހުރުމުން އާނާއަށް ވީ ގޮތް ނުފެނުނަސް ނަޥާރްއަށް ސިއްރެއް ނުވިއެވެ. މިލީނާ ގޮވާލި އަޑަށް އާނާ ބަލައިލީ ވެސް ސިހިފައި އިނދެއެވެ.
“ދަރިފުޅާ ތިވެގެން އުޅޭ ގޮތް ކިޔާ ދީފާނަނަތް މަންމަ އަށް.. ވިސްނާ ވިސްނާ ގޮސް މަންމަ މޮޔަ ވެދާނެ.. ހެޔޮނުވާނެ..”އާނާގެ ދެއަތުގައި ހިފައިލާގެން މިލީނާ ބުނެލި އިރު އަނެއްކާ ވެސް ދެލޯ ފުރުނީ ތާޒާ ކަރުނައިންނެވެ.
އާނާ ނަވާރް އާއި ޔަޒަން އާއި ދިމާ ބަލައިލީ މިލީނާއާއި އެކު އެކަނި ވެރި ވަގުތުކޮޅެއް ބޭނުން ވެއޭ ބުނާ ފަދައަކުންނެވެ. ޔަޒަންގެ ހިތައް ތަދުވިނަމަވެސް ބޯ ޖަހައިލަމުން ނުކުތެވެ. ޔަޒަންގެ ފަހަތުން ނަވާރް ވެސް ނުކުމަތެވެ.
ނަވާރް ލައިގެން ހުރި އަޅިފުސްކުލައިގެ ޖިންސް އާއި ބޭބީ ޕިންކް ކުލައިގެން ސްވެޓާރް ގައި ނުހަނު ލޯތްބެވެ. ފަހަތައް މިނިވަން ކަމާއެކު ދޫކޮށްލާފައި އޮތް ފަންފަން އިސްތަށިކޮޅު ވާރޭގައި ދުވެލައިފާ އައުމުން ކުޑަކޮން ތެމިލާފައިއޮތުމުން ވެސް ނުހަނު ރީއްޗެވެ. ދޮން މޫނަށް ފިނިގަދަވުމުން ވެރިވެފައިވަނީ މަޑުފިޔާތޮށިކުލައެކެވެ.
ނަވާރް ފާރުގައި ލެނގިލަމުން ބަލައިލި އިރު ޔަޒަން އިނީ އޭނާއާއި ދެފޫޓެއްހާ ދުރުގައި އިން ދެމީހަކަށް އިށީންދެވޭ ވަރުގެ ސޯފާއެއްގައެވެ.
ޔަޒަން އިސްޖަހައިގެން އިން އިރު އިނީ ފޯނަށް ނަޒަރު ހިންގައިގެންނެވެ. މުށި ކުލައިގެން އަތްދިގު ޓީޝާޓާއި ޑެނިމް ޖިންސްގައި ބަލާ ފޫހި ނުވާހާ ރީއްޗެވެ. ޔަޒަން އިސްޖަހައިގެން އިނުމުން ނަވާރް ބަލަހައްޓައިގެން ހުރި ކަމެއްނޭނގެއެވެ. ޔަޒަން އިސް އުފުލާލީ ނަވާރްގެ ކާރިން މީހަކު ވާހަކަ ދެއްކި އަޑު އަހާފައެވެ. ފިރިހެނަކު ނަވާރް ގެ ގާތުގައި ހުރުމުން ޔަޒަންގެ ދެފަޔަށް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ.
ނަވާރްގެ ކައިރިޔަށް ހުއްޓުނު ޔަޒަން ފެނި އެމީހަކު އަވަހަށް ދިޔައީ ޔަޒަން ގެ މޫނުމަތި ފެނުމުންނެވެ. “ކާކު އެ” ޔަޒަން ހީވަނީ އެމީހާ ދެކެ ހިތްހަމަ ނުޖެހިފައި ހުރިހެންނެވެ. އަޑުގައިވެސް ވަނީ ރުންކުރުކަމެވެ.
” މިތަނުން ރޫމް އެއް ނޭނގިގެން ..” ނަވާރްގެ ޖަވާބު އަހާފައި ޔަޒަން އަމުރުވެރި ރާގެއްގައި އަންނާށޭ ބުނެ ގޮސް ކުރިން އިންތާގައި އިށީންނެވެ.
ނަވާރްގެ ގާތައް ހިނިއައީ އަންނާށޭ ބުނި އިރުވެސް އެކޮށްލި އަމުރާއި ހެދިއެވެ. ދުވަހަކުވެސް މިފިރިހެނާއަށް ރީތިކޮން ވާހަކަ ދައްކަން ނޭނގެނީ ބާއޭ ހިތައް އެރިއެވެ. ހާދަ ފޮނި މީހެކޭ ކިޔާ ހިތާހިތުން ކުދިކިޔަމުން ގޮސް ޔަޒަން ގާތުގައި އިށީންދެލިއެވެ. ޔަޒަން ފޯނުން މާ ވަރަކަށް ހޯދާ އެއްޗެއް ބަލައިލުމުގެ ޝައުގު އުފެދިގެން ވަށްކަޅިން ބަލައިލި އިރު ގެލެރީއިން ފޮޓާތަކެއް ހާވަނީއެވެ. ފޮޓޯތައް ބަލަމުން ގޮސް ކޮންމެވެސް އަންހެން ކުއްޖެއްގެ ފޮޓޯ ފެނުމުން ޔަޒަން ޒޫމް ކޮށްލިގޮތުން ހާއްސަ ކުއްޖެއް ކަމުގައި ނަވާރްއަށް ހީވިއެވެ. ނޭނގުމުގެ ތެރޭގައި އެކަމުން ނަވާރްގެ ހިތައް އުނދަގު ވިއެވެ. ދުރުބަލައިލި ގޮތަށް އިނީ މޫނު ވެސް ހަދައިލާގެންނެވެ. ނަވާރް އެހެން އިނުމުން އެމޫނަށް ޔަޒަންގެ ނަޒަރު އެތައް ފަހަރަކު ހުއްޓުނު ކަމެއް ވެސް ނޭނގޭނެތާއެވެ.
“އެބަ އަންނަން ވޮޝް ރޫމް އަށް ގޮސްފަ…” ނަވާރް ހިގައިގަތުމުން ޔަޒަން ހިނގައިގަތީ ނަވާރްގެ ފަހަތުން އޭނާ ވެސް ދިއުމަށެވެ. ފާހާނާ ބައި އިންނަނީ އެގާރަ ވަނަ ފަންގިފިލާގައި ކަމުން ނަވާރް އެކަނި ފޮނުވާކަށް ޔަޒަން ބޭނުމެއް ނުވިއެވެ.
ނަވާރް ފާހަނައިން ނުކުމެގެން ޔަޒަން ކޮބައިތޮ ބަލައިލި އިރު ފޯނެއްގައި ހުރުމުން އެދިމާލަށް ހިނގައިގަތެވެ. ކުއްލިޔަކަށް މުޅި އިމާރާތުން ކަރަންޓު ކެނޑުނެވެ. އެވަގުތު އެތައް ބައެއް ގެ ހަޅޭކުގެ އަޑު އެއްފަހަރާ އިވިގެން ދިޔައެވެ.
ގަތްބިރުން ނަޥާރް އަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. އޭނާގެ ހަނދާނަށް ފުރަތަމަވެސް އެރީ އާނާގެ ނަމެވެ. ނޭނގޭ ސަބަބަކާއިހުރެ ނަވާރްގެ ހިތް ބިރުގަންނުވާލައިފިއެވެ. “އާނާ… ޔަޒަން … އާނާ …” ބިރުން ތުރު ތުރު އަޅާ ހާލުގައި ނަވާރް އަށް ދުއްވައިގަނެވުނީ ސިޑިއާއި ދިމާލަށެވެ. އޭރުވެސް މަތީ ފްލޯއިން ހަޅޭކުގެ ނުހަނު ބާރަށް އިވެއެވެ. ރުއިމުގެ އަޑުވެސް ވެސް އިވެންފެށި ނުހަނު ބާރަށެވެ.
***
(ނުނިމޭ)