ތެމި ވާރޭގާ ވީމޭ 04 – Vaahaka by Ann
ތެމި ވާރޭގާ ވީމޭ

ތެމި ވާރޭގާ ވީމޭ 04

އާނާ” ލިފްޓް ތެރޭގައި ހުރި ރިހާމްއަށް ހީވީ މީހަކު އޭނާގެ މޫނުމަތީގައި އެތިފަހަރެއް ޖެހި ހެންނެވެ. އާނާގެ ނަޒަރު ހުއްޓުނީ ރިހާމްގެ ފަހަތުން އޭނާ އަށް ކަޅި ޖަހާނުލާ ބަލަހައްޓާއިގެން ހުރި ޔަޒަން ފެނިއެވެ.
***
ޔަޒަންގެ ދެލޯ ބޮޑުވެފައި އާނާ އާއި ދިމާ ބަލަހައްޓައިގެން ހުރި އިރު އެ މޫނުމަތިން ހާސް އަސަރުތައް ފެންނަމުން ދިޔައެވެ. އެތައް ޝަކުވާއެކެވެ. ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔަ ހިނދު އޭނާގެ ދެފައި ހަރަކާތް ކުރިއެވެ. ވަރުގަދަ ޝޮކެއް ލިބިފައިވި އާނާ ލޮލުން އައިސް އައިސް ހުރި ކަރުނަތައް ފުހެލަން ވެސް ނޫޅެ ޖެހެން ފެށީ ފަހަތައްށެވެ. އެދިޔަ ބާރު މިނުގައި އޭނާ ދުއްވައިގަތީ ލިފްޓުގެ ފަހަތައް ވާހެން އިން ގޯޅިއަށެވެ. ނަވާރް އާއި ރިހާމް ގޮވަމުން ދިޔަ ނަމަވެސް ބީރު ކަންފަތެއް ދިނެވެ. އެދިމާލަށް ވާހެން އިން ސިޑިން އަރަން ފެށުމުން ޔަޒަން އަށް ވެސް ހޭވެރިކަން ވެފައި ދުއްވައިގަނެވުނެވެ. އާނާގެ އެއަމަލުން ޔަޒަން އަށް އިތުރަށް ހިތްދަތިވިއެވެ. އޭނާގެ ހިތާ ސިކުނޑިއަށް އެކަމުން ކުރަމުން ދިޔަ ބާރު އެ މޫނުމަތިން ފެނިގެން ދިޔައެވެ. ދެލޯ ރަތްވެފައި ވީ އިރު ތުރުތުރު އަޅަމުން ދިޔައެވެ. “ޔަޒަން .. އިހަށް މަޑުކުރޭ.. ކޮންމެވެސް ގޯހެއް އެބޯޅެ..އާނާ ކައިރިން ކަމެއް ފަސޭހައަކުން ނުހޯދޭނެކަން ކޫ އަށް އެންމެ ރަނގަޅާށް އެނގޭނީ…” ރިހާމް އެވަގުތު ޔަޒަން ހިފެހެއްޓީ ނަވާރު ގެ ކައިރިން ބަހެއް ހޯދުމަށްވެ. އާނާގެ މިޒާޖުން، އާނާގެ ގާތުން އެހާ ފަސޭހައިން ކަމެއް ހޯދުމަކީ ވުމަށް ވުރެން  ނުވާނެކަމެއް ކަން އެނގޭތީ ޔަޒަން ވެސް ރިހާމްގެ ބަހަށް މަޑުކުރިއެވެ. ނަވާރު އަށް ހިސާބަކަށް ވާނުވާ އެނގުމުން ބޮލުގައި ޖަހައިލެވުނެވެ. ނަމަވެސް ނަވާރުއަށް ކަމެއް ފާހަގަ ވިއެވެ. އެމީޙުންގެ ހުރިހާ ހަރަކާތެއް ބަލަން ކަޅު ޖީންސަކާ ކަޅު އަތްދިގު ޓީޝާޓެއް ލައިގެން ހަމަ އެކުލައިގެ ތޮއްޕެއް އަޅާއިގެން ހުރި މީހަކު ހުއްޓެވެ.  އެޕާޓްމަންޓަށް ވަންނަން އިން ދޮރާ ޖެހިގެން އިން ތަނބަކަށް ލެނގިލައިގެންހުރި އިރު އަތުގައި އޮތް ފޯނު އަތު ތެރޭގައި އަނބުރާލަ އަނބުރާލަ ހުއްޓެވެ. އެމީހެއްގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. ނަވާރް ބަލާކަން އެނގުނީ ތޯއްޗެކެވެ. ކުއްލިއަކަށް ފެނުނީ ބިރެއް ފެނިގެން އުޅޭހެން، އަޅާފައި އޮތް ތޮފި މޫނު ފޮރުވޭ ވަރަށް ތިރި ކޮށްލަމުން އޭނާ ނުކުމެގެން ދިޔަތަނެވެ. ނަވާރު ގެ ހާސްކަމާއި ޝައްކަށް އިތުރު ބޮޅެއް އިތުރު ވިއްޔެވެ. އާނާގެ ފަހަތުން ދާން ބޭނުން ވިޔަސް ރިހާމް އޭނާގެ އަތުގައި ހިފައިގެން ލިފްޓަށް އަރަން ދިޔުމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން މަޑު މަޑުން ދިޔައެވެ. ލިފްޓަށް އަރަމުން ވެސް އެމީހެއްގެ ހިލަމެއް ވޭތޯ ނަވާރް އަށް ބަލައިލެވުނެވެ. ލިފްޓް ތެރޭގައި އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. ރިހާމް ވެސް ނަވާރްގެ އަތުގައި ހިފައިގެން ހުރިގޮތައް ހުއްޓެވެ. އެމީހުން ގެންގޮސް ކުރާނެ ސުވާލެއް ނޭނގޭތީ ނަވާރްގެ ހިތްތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ކައިރީގައި ތިބި ދެމީހުންނަށް އެއަޑު ނީވި ހުންނާނެބާއޭ ވެސް އޭނާގެ ހިތައް އެރިއެވެ. މީހާ ފިނިވެގެން ގޮސް ތުރުތުރު ލާން ހެންވެސް ހީވިއެވެ. ޔަޒަން ކުރިޔަށް ވުރެން ހަމަ ޖެހިފައި ހުއްޓަސް އޭނާގެ މޫނުމަތީން އޭނާވެފައި ހުރި ދެރަ ފެނެވެ. ނަޥާރްއަށް ތުންފަތް ހަފާލެވުނީ ވެސް އެހެންވެއެވެ. ނޫރާ އަބަދުވެސް ކިތަންމެ ބޮޑުކަމެއް ޖެހުނަސްދޮގު ނުހެދުމަށް ބުނެވެ. ނަމަވެސް މިއަދު އޭނާ ކޮންމެވެސް ވަރަކަށް ދޮގުހަދަން މަޖުބޫރެވެ. ކިތަންމެ ޅަޔަސް ނަވާރުގެ ވިސްނުން ހަރެވެ. އާނާގެ ގާތުން އަހަން ޖެހޭ ސުވަލްތައް ހުރުމުން ނަވާރު ވެސް ދިޔައީ ދެން ހަނދާނެ ގޮތަކާއި ދޭތެރޭގައި ވިސްނަމުންނެވެ. ޒަކީންގެ މަރުގެ ހަގީގަތް ހޯދުމަށް އެ ޅަހިތް ބޭގަރާރް ވަމުންދާއިރު ކިތަންމެ ބޮޑު ގުރުބާނެއް ވާންވެސް އޭނާ ފަސްނުޖެހެން ވަނީ އަމިއްލަހިތައް ވައުދުވެފައެވެ.
***
މީހަކު މާ ބާރަށް ދޮރު ހުޅުވާލުމުން ބަނދިގެތޭރޭގައި އުޅުނު ނޫރާ އެތެރޭގައި ހުރެ ސިޓިން ރޫމަށް ބޯ ދިއްކޮށްލިއެވެ. ގެޔަށް އައިސް ވަން އާނާ ހުރިގޮތް ފެނި ނޫރާގެ ދެފަޔަށް ލިބުނީ އަދަޔާއި ހިލާފް ބާރެކެވެ. މޮޑެން ހުރި ފުށްގަނޑު ދޫކޮށްލުމަށްފަހު އަވަހަށް އާނާގެ ގާތަށް ދިޔައެވެ. ދެލޮލުން ފެންތައް ފައިބަމުން ދިޔައިރު އެތައް އިރެއްވަންދެން ރޮއިފާވާކަން އެ ދެލޯހެކިދެއެވެ. ނޫރާފެނުމުން އާނާގެ ބަޑި އިތުރަށް ފަޅާއިގެން ދިޔައެވެ. “ކިހިނެތް ވީ ..ކޮބާ ނަޥާ.. އާނާ.. އާނާ… ދަރިފުޅާ ކިހިނެތް ވީ.. މީހަކު އެއްޗެއް ބުނީތަ.. ކަމެއް ވީތަ ސުކޫލްގަ” ..ނޫރާގެ ގައިގާ ބައްދައިލާންގެން ރޯން އިން އާނާއަށް ނޫރާ އެތައް ސުވާލެއް ކުރި އިރުވެސް ޖަވާބެއް ނުދެވުނެވެ. ނޫރާ ހީކުރީ ސްކޫލުގައި ކަމެއް ވީ ކަމުގައެވެ. އާނާ އަމިއްލަ ބަދުނަސީބު ކަމާއިމެދު އެވަގުތު ކޮޅުވެސް ވިސްނުނެވެ. އެންމެ ކާރިންވި އޭނާގެ އެންމެ ލޯބިވާ ދޮންބެގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓޭތައް ތަންވެސް މިނޫނީ ނުފެނެވެ. ޔަޒަން ގެ މޫނުމަތީގައި އާނާ ފަހަތައް ޖެހުން ވަގުތު ފެނުން ހިތްދަތިކަން އާނާގެ ހިތާއި ސިކުނޑި ރޮއްވާލައިފިއެވެ. ނޫރާ ހާސްވެގެން އެތައް ސުވާލެއް ކުރުމުން ވެސް ޖަވާބު ނުދިނުމުން ނަވާރްއަށް ގުޅަން ފެށިއެވެ. ނަމަވެސް އެތައް ފަހަރަކު ގުޅުމުން ވެސް ފޯނު ނުނެގުމުން ނަވާރް އަންނަންދެން ނޫރާ ކެތްތެރިވުމަށް ނިންމިއެވެ. ނަވާރް އަތުގައި ހިފައިގެން ރިހާމް ގޮސް ވަނީ އެމީހުންގެ އެޕާޓްމަންޓަށެވެ. ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އެވަގުތު އެގޭގައި އެކަކުވެސް ނޫޅެއެވެ. ރިހާމް އެމީހުންގޮވާއިގެން އޭނާގެ ކޮޓަރިޔަށް ވަނެވެ. “ރިހާމްބެ ހެޔޮނުވާނެ އަހަރެން އަތުން ދޫކޮށްލަފާނަން ތަ.. ވަރަށް ތަދުވޭ އެބަ..”ރިހަމް ހިފައްޓައިގެން ހުރިލެއް ބާރުކަމުން ނަވާރްގެ އަތައް ކެތް ނުވާ ވަރަށް ދިޔައީ ތަދުވަމުންނެވެ. ސިހިފައި ރިހާމް އަވަހަށް ދޫކޮށްލަމުން މާފަށް އެދުނެވެ. އެކަމެއް ނޫން ކަމަށް ބުނެ ނަޥާރު އިއްތާލީ ރިހާމް ގެ ކޮޓަރީގައި ހުރި އެކަކަށް އިށީންދެވޭ ވަރުގެ ސޯފާއެއްގައެވެ.  ދުރުގައި ކުޑަދޮރުން ވެހެމުން ދިޔަ ވާރެއަށް ނަޒަރު ހުއްޓަލައިގެން ހުރި ޔަޒަން ހުރީ އޭނާ އާ ފުރަގަސް ވާހެންނެވެ. “ކިހިނެތް މި ވީ.. ކިހިނެތް އާނާ ތިގެޔަށް ދިއައީ.. ކީއްވެ މަށައް ނޭނގުނީ އެވަރަށް ތިގެޔަށް ދާ އިރު ވެސް ..ނަވާ އަށް ލައްކަ އެއްޗިސް އެނގޭދޯ “ރިހާމް އައިސް ނަވާރް ކުރިމަތީގައި ހުއްޓި އެއްފައްޗަކަށް އަމުނާލިއެވެ. ނަވާރްގެ ގާތައް އެ ސީރިއަސް ވަގުތު ހިނިވެސް އައެވެ. އެއަމަލުން ރިހާމްއަށް ބުމަ އަރުވާލެވެ. އަވަހަށް ނުވާކަމަކަށް ހަދާފައި އަނގަމަތީގައި އަތްއެޅިއެވެ. “ރިހާމްބެ ގެޔެއް ނުތާދަ ދުވަސްކޮޅެއް ވެއްޖެއްނު.. ދެން އެނގޭނީ ކިހިނެތް..” ނަވާރްގެ އަޑުއިވުނުމުން އެމީހުންނާއި ފުރަގަސް ވާހެން ހުރި ޔަޒަން އަށް ބަލައިލެވުނވެވެ. ޔަޒަން އާއި ނަވާރްގެ ހަތަރުކަޅި ބައްދަލްވުމުން ދެމީހުން އަވަސްއަވަހަށް ދެދިމާލަށް މޫނު އަނބުރާލިއެވެ. ރިހާމް އަށް އެމަންޒަރު ފެނުމުން ހިނިއައެވެ. ޔަޒަން އެ ބަލައިލި ގޮތުން ނަވާރްގެ ހިތައް އެހެން ކަހަލަ ގޮތެއް ވެގެންދިޔައެވެ. ތެޅެމުން ދިޔަ ހިތް ހަމަޔަކަށް އަލުވާލަމުން ނަވާރް އިސްޖާލިއެވެ. ކުރުގޮތަކަށް ނޫރާ އެގެޔަށް އާނާ ގެންދިޔަ ގޮތް ކިޔާދިނެވެ. އަދި އާނާ ހުރި ހާލަތު ވެސް ކިޔަދިނެވެ. އަބަދުވެސް ކޮންމެސް ވެސް ކަމަކާ ވިސްނަން ހުންނަކަމަށާއި ނަވާރް މެންގެޔަށް އައިތާ ދެތިން ދުވަސް ފަހުން މަޑުމަޑުންހަމަޔަކަށް އެޅެމުންދިޔަ ވާހަކަ ނަވާރް ބުނެދިނެވެ. ނަމަވެސް އާނާ ދެއްކާފައި ހުރި ވާހަކަތައް ނަވާރް ސިއްރު ކުރިއެވެ. “އާނާ އެއްވެސް އެއްޗެއް ބުނިތަ ފެމިލީ ރިލޭޓެޑް.. އޮތިއްޔާ ސިއްރު ނުކޮށް ކިޔާދީ ..” އެހުރިހައިރު އަނގައިން ބަހެއް ނުބުނެ ހުރެ ޔަޒަން އަހައިލިއެވެ. ސުވާލް ކުރިއިރު އަޑުގައި ހުރި އަމުރުވެރި ގޮތްގަނޑުން ނަވާރްގެ މޫނަށް ވައްތަރެއް ޖައްސާލިއެވެ. ނަމަވެސް ޔަޒަންގެ ފިރިހެންވަންތަ އަޑުން ނަވާރްގެ ހިތައް ފިނިވެލިއެވެ. އެ އަޑު އިވި މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. “ނު .. ނޫން .. “ދޮގު ހަދަން ޖެހުމުން ނަވާރްގެ ބޮލުގައިވެސް ރިއްސައިގަތެވެ. ދުރުގައި ހުރި ރިހާމްއަށް ނަވާރްގެ ވާހަކަ ހުރި ގޮތުން ކަމެއް ސިއްރު ކުރާ ހެން ހީވިއަސް އަޅާނުލީ ނަވާރް އެވަރު ވީ އިރުވެސް ދޮގެއް ހަދަފައި ނުވާތީއެވެ. “ނަވާ އާނާގެ ފަރާތުން ކަމެއް އޮޅުން ފިލާތޯ ބަލައިފަ ރިހާމްބެ ކައިރީގައި ބުނާތި…” ރިހާމްގެ އަޑުގައި ވި ނުތަވަސްކަން ނަވާރް އަށް ނަގައިގަނެވުނެވެ. “އާނާ ހިޔާއަށް ދިޔަދުވަހު ވީ ކިހިނެތް .. ” ނަވާރް ބޭނުން ވީ  އެމީހުންގެ ފަރާތުން އެވާހަކަ އޮޅުން ފިލުވުމަށެވެ. ނަވާރްގެ ސުވާލުން ރިހާމްއަށް ބަލައިލެވުނީ ޔަޒަން އަށެވެ. ޔަޒަން ވެސް ބަލަހައްޓައިގެން ހުއްޓެވެ. ޔަޒަން ބޯ ޖަހައިލުމުން އަކުރަމް ޔަޒަން އަށް ކިޔާދީފައިވާ ގޮތައް ރިހާމް، ނަވާރްއަށް ކިޔާދިނެވެ.
ނަޥާރް މޫނުން ޝޮކް ޖެހުނު ވަރުން ޔަޒަންގެ މޫނަށް ބަލައިލެވުނީ އެވާހަކަތައް ޔަގީން ކުރަން ބޭނުންވާފަދައަކުންނެވެ. ޔަޒަން، ނަވާރްގެ މޫނަށް ބަލައިލަމުން މިފަހަރު ވެސް ބޯ ޖަހައިލިއެވެ. ނޫރާގެ މަތިން ހަނދާން ވުމުން ފަހުން ދިމާވާނެކަމަށް ބުނެ ރިޙާމް ގާތު ދަނީ އޭ ބުނެލިއެވެ. “މަޑުކޮށްބަލަ ” ނަވާރް ހިނގައިގަންތަނުން ޔަޒަން ގޮވާލި އަޑަށް ހިތްތެޅިލިއެވެ. ނަވާރްއަށް ބަލައިލެވުނީ ރިހާމް ގެ މޫނަށެވެ. ޔަޒަން އެނދުގެ ހެޑްބޯޑުގެ ކަބަޑު ތެރޭގައި އިން ފަސްޓްއެއިޑް ބޮސް ހިފައިން އަންނާތީ ރިހާމްއަށް ވެސް ބަލައިލެވިއްޖެއެވެ. އޭނާ އައި ގޮތައް އައިސް ނަވާރްގެ އަތުގައި ހިފައިލުމުން ސިހިފައި އަތް ދުރުކޮށްލަން އުޅުނެވެ. ނަމަވެސް ޔަޒަން ހުރީ އެއަށްވުރެން ބާރަށް ހިފަހައްޓައިގެންނެވެ. އެވަގުތު ޔަޒަންގެ ބާރު ނަވާރް އަށް އިޙްސާސް ވި ކަހަލައެވެ. ރިހާމް، ނަވާރްގެ އަތުގައި ހިފައިގެން އައިލެއް ބާރުކަން ރިހާމް ގެ ދިގު ނިޔަފަތި ތައް ވަދެ ނަވަރްގެ ދޮން އަތުގެ ދެ ތަންކޮޅު ކެނޑި ލޭ އައިސްފަ ހުއްޓެވެ. “އަޅޭ .. މި ނަވާ ނުބުނާނެ ކިތަންމެ ބޮޑުވަރު ވިޔަސް..” ރިހާމް ވެސް ދެލޯ ބޮޑުކޮށްލަމުން އެތައް ފަހަރަކު މާފަށް އެދުނެވެ. ނަވާރް އެހާ ތަދެއް ނުވެއޭ ބުނެ ހީލިއެވެ. “ކައެ ވެއްޖެ އެންނު ތި ނިޔަފަތިތައް ކަނޑަން ” ޔަޒަން ރިހާމް އާ ދިމާ ބަލައިލަމުން ބުމަ އަރުވާލިއެވެ. ރިހާމް ވެސް ބޯކަހައިލީ އެއީ ނުވާނެ ކަމެކޭ ބުނާ ފަދައަކުންނެވެ. ނިޔަފަތި ދިގު ކުރުމަކީ ރިހާމް މާ ކުރާ ހިތްވާ ކަމެކެވެ. ޔަޒަން ، ނަވާރްގެ އަތުގައި ހިފައިގެން ކުޑަ ކަފަކޮޅަކުން ސާފް ކޮށްދީފައި މަލަންކޮޅެއް އަޅާލަމުން އެތޫނު ދެލޮލުން ނަވާރްއަށް ބަލައިލިއެވެ. އެ އަމަލުން ނަވާރްގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނު ފަދައެވެ. އެވަގުތުވެސް ޔަޒަންގެ ރިތިކަމަށް އެތައްފަހަރު ނަވާރު ހިތާހިތުން ތައުރީފް ކޮށްލިއެވެ. ނަވާރްގެ މުޅި މޫނު ރަތްވާން ފެށުމުން ދަނީކަމުގައި ބުނެ ނުކުތެވެ. ނަވާރްގެ އެ އެމަލުން އާނާއާއި ހެދި ކިތަންމެ ދެރަވެފައި ހުރި ނަމަވެސް ޔަޒަންގެ ތުންފަތުން ހިނތުންވުމެއް ވެރިވިއެވެ. “އަހާ… ލަވް އެޓް ފަސްޓް ސައިޓް ތަ..އޯރ ލައިކް އެޓް ފަސްޓް ސައިޓް ތަ.. ނަވާ ގެނެސް ގެން ކުރަން އުޅުނު ކަންތައް މަތިން ވެސް ހަނދާން ނެތިފަ ހެން މިހާރު ހީވަނީ..” ޔަޒަން އާއި ނަވާރްގެ އަމަލްތަކުން ރިހާމްގެ ދިމަކުރުންތަކާއި ވެސް ޔަޒަން އަށް ކުރިމަތިލާންޖެހުނެވެ. ރިޙާމް ހުރީ ކުޑަވަރެއްގެ ޝޮކެއް ޖެހިފައެވެ. ޔަޒަން ދުވަހަކު ވެސް އެހާ ގާތްކޮން އެއްވެސް އަންހެންކުއްޖަކާ މެދު ކަންތަކެއް ނުކުރެއެވެ. ޒަޔާން އާއި އެއްކޮންވެސް އަބަދު ރިހާމްގެ ގޭގައި އުޅޭތީވެ ނަވާރް ކުރިޔަކުން ޔަޒަން އަކަށް ނުފެންނާނެއެވެ.  މިހްރާން ހޯދަން އެގެޔަށް ދާ ދުވަސް ތަކުގައި ވެސް މީޝަމް ފެނުނީމަ ވެސް ބައެއްފަހަރު ހީލިޔަސް ދުވަހަކުވެސް ވާހަކަ އެއް ނުދައްކާ ވިއްޔާއެވެ. ** ނަވާރްއަށް ގެޔަށް އާދެވުން އިރު އާނާއަށް އޮތީ ނިދިފައެވެ. އާނާގެ ބޮލުގައި ފިރުމާލަ ފިރުމާލަ ނޫރަ ކައިރީގައި އިން އިރު ނަވާރް ފެނުމުން އިންތަނުން ތެދުވެގެން އައީ ނިކަން ބާރަށެވެ. ނަޥާރް ގޮވަގެން ސިޓިންރޫމަށް ނުކުމެ ފުރަތަމަ ވެސް ފޯނު ނުނެގީމަ އެކަމާ ވަރަށް ހިތްހަމަ ނުޖެހިގެން ހުރެ ވާހަކަ ދެއްކިއެވެ. “ސޮރީ މަންމާ ފޯނު ގޭގަ ބައްވާފައި ނަވާއަށް މިއަދު ދެވުނީ..” ނަވާރް އޭނާގެ ފޯނު ސިޓިން ރޫމް ގައި އިން ކުޑަ ކޮފީ ޓޭބަލް ގެ މަތިން ނަގާ ދައްކާލިއެވެ. ނޫރާ ބޯ ޖަހައިލަމުން ނަވާރް ގެނެސް ސޯފާގައި ގެނެސް ބޭންދިއެވެ. “ނަވާ ދޮގު ނުހަދާ ކިޔާދީ އާނާ އަށް ކިހިނެތް ވީ ” ނޫރާގެ އެ ސުވާލުން ނަވާރް ގެ މޫނުން ހައިރާން ކަމެއް ނުފެނުނެވެ. މާކުރިން އަހާނެ ސުވާލެއްކަން އޭނާއަށް އެނގެއެވެ.  “އެ..އެ .. ކުއްޖަކު ބްލީ ކުރީ.. އަޅުގަނޑު ފާހާނާ އަށް ދިޔަ ގަޑިގަ.. މަންމާ އަޅުގަނޑު ވާރެއާ ތެމިގެން ގެޔަށް އައީ .. ގިނަ އިރު ވެގެން ހިކިފަ މިހުރީ.. ތިވާހަކަ ފަހުން ދައްކަމާ ..” ދޮގުހަދާފައި ނަވާރްގެ ބޭނުމަކީ ނޫރާގެ ކުރިމަތިން އަވަހަށް ދިޔުމެވެ. އާނާ އާއި ޔަޒަން ދިމާވިކަން އެކަކަށްވެސް އެނގިގެން ނުވާނެ ކަމަށް ރިހާމް ބުނުމުން އޭނާ އިހަށް ބޭނުންވީ އެވާޙަކަ ނުދައްކާ ހުރުމަށެވެ. ނޫރާވެސް މާ އިރަކު ނުހުއްޓުވަ ނަވާރް ފޮނުވާލިއެވެ
***
މަގުމަތީގައި ހެދިފައިވާ ޗަކަގަނޑު ތަކަށް ބެލުމެއްނެތި ހިނގަމުން ދިޔައިރު އަޅާއިގެން ހުރި ތޮފި ރަނގަޅު ކޮށްލިއެވެ. އޭނާ އެދިޔަ ގޮތައް ގޮސް ވަނީ ހަދަން ފަށާފައި ހުރި އިމާރާތެއް ތެރެއިން ލާފައި ދެވެން އިން ހަނި ގޯޅި ގަނޑަކަށެވެ. އެއްފަރަތެއްގައި ހުރި އައްޓެއް ފާޑު އެއްޗެއްގައި އޭނާ އިށީން އިރު ޖީބުންނެގި ސިގިރޭޓު ފޮށިން ސިގިރޭޓެއް ނަގައި ރޯކޮށްލިއެވެ. އެހެން އިނދެ އިނދެފައި  ބޮލުން ތޮފި ނެގިއެވެ. އެމޫނުމަތީގައި ވި މާޔޫސްކަން ކިތަންމެ ރީއްޗަކަށް ވެސް ދަނީ ފެންނަމުންނެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިން އިރު ހީވަނީ ހިތާމައިގެ މޮޅި ސާލު ލައިގެން އިންހެންނެވެ. އޭނާ ސިހުނީ ކައިރިން ގޮވާލިއަޑު އިވިފައެވެ. “ދަރިފުޅާ އަހުމަދު… އެ އޮތް އަނެއްކާ ވެސް ވިއްސާރަ އަންނަނީ.. ކީއްވެތަ ގެއަށް ނުވަދެ ތި އިންނަނީ..ޒެހެކް އެބައިން ނައިސްގެން.. އޭނާ ޓެސްޓް ނަތީޖާ ލިބިގެން އެބައިން ނިކަން އުފާވެފަ.. ބައްޕަ އައީމަ ޔޯ މާމަ ކައިރީގަވެސް ބުނާނީ ކިޔާފަ.. ”  އަހުމަދުގެ ކައިރިޔަށް ހުއްޓުން އޭނާގެ މަންމަ ސަބީނާ ހިނިއައިސް ހުރެ ދައްކަމުން ދިޔަ ވާހަކަ  އަޑު އަހަން އިނދެފައި މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަން އެއްފަރާތް ކޮށްލަމުން ފަހަތުގައި ހުރި ސަބީނާ އާއި ކުރިމަތި ލީ  ހިނިތުންވުމަކާއި އެކުއެވެ. އޭނަގެ މޫނުމަތީގެ އަސަރުތައް ފިލުވާލަން ކިތަންމެހާ ވެސް  ކުޅަދާނަ އެވެ. “ކޮބާތަ ޒެހެކް.. މިއަދު އޭނާގެ އޭލެވެލް ނަތީޖާތައް ލިބޭ ދުވަހޭ ދޯ… މަންމަ އެއްޗެއް ކައިފިންތަ..” ސަބީނާ އަށް ފެންނަންވާއިރަށް އަހުމަދު އޭނާގެ އަތުގައި އޮތް ސިގަރޭޓް ފިލްޓަރު ބިންމައްޗަށް ވައްޓާލައި އަރައިގެން ހުރި ކަޅު ބޫޓުން އަރާ ފިއްތާލިއެވެ. އަހުމަދާއި ސަބީނާ އެ އައްޓާއި ޖެހިގެން ހުރި ކުޑަ ގެޔަށް ވަނެވެ. މަގުމަތިން ދާ މީހުންނަށް އެގެ ނުފެނި އިންނަނީ ދިމާ ކުރިމައްޗަށް ހަނދާން ފަށާފައި އިން ދިހަ ބުރީގެ އިމާރާތުގެ ސަބަބުންނެވެ.  ނުހަނު އާދައިގެ ގޮތަކަށް ހުރި ގެއެއް ނަމަވެސް ސަބީނާ ގެ ބުރަމަސައްކަތުން ގޭތެރެ އަބަދުވެސް ނުހަނު ތަރުތީބުވެފައި ސާފްތާހިރެވެ. ދެކޮޓަރިޔާ އެކު ކައްކާ ކެވޭނެ ހެން ބަޔެއް ލާފައި ހުރިއިރު ކުޑަ ސިޓިން ރޫމްކޮޅެއް ވެސް ހުއްޓެވެ. “ބައްޕާ.. އަޅުގަނޑު ޕޭޕާރ ތައް ދައްކަން ހާދަ އިރެއްވެއްޖެޔޭ ހުންނަނީ.. ހާދަ ލަހުންނޭ ތިއައީ ..” އުމުރުން އަށާރަ އަހަރުގެ ޒެހެކް އައިގޮތައް ފުރަތަމަ ވެސް ކޮށްލީ އެތައް އިރެއް ވަންދެން އޭނާ ހިފަހައްޓައިގެން ހުރި ސަކުވާއެވެ. އަށާރަ އަހަރު ވީ އިރު ވެސް ޒެހެކް ހުންނަނީ އިސްކޮޅުން ނުހަނު ކުރު ކޮށެވެ. ދޮންކަމުން މަޑުމަޑު ފިޔާތޮށިކުލައެއް އޭނާގެ ހަންގަނޑަށް އަރައެވެ. ރަންކުލައަރާ ފަންފަން އިސްތަށިގަނޑު އުނަގަނޑާއި ހަމަޔަށް އޮތެވެ. “މޮނޮލިޑް” ދެލޯ ލިބިފައިވާއިރު އެސްފިޔަތައް ބޯވެފައި ދިގުކަމުން ނުހަނު ރީއްޗެވެ. ކުޑަކުޑަ ނޭފަތަކާއި އެންމެ އެކަށޭނަ ތުންފަތެވެ. “ދަރިފުޅާ ހާދަ މޮޅޭ މާޝާﷲ.. ހުރިހާ އެއްޗަކުން އެންމެ މަތިން ފާސްވެފަ ދޯ މިހުރީ…އޭ ދޯ މިހުރީ ހުސް” އަހުމަދުގެ މޫނުމަތިން ފެނުނީ އިންތިހާ އުފަލެވެ. އަހުމަދު ނުހަނު ޝައުގުވެރިކަމާއި އުފާވެރިކަމާއެކު ޒެހެކްގެ ޕޭޕަރުތަކަށް ބަލަން އިނެވެ. އެތައް ފަހަރަކު ސަބީނާ ވެސް ޒެހެކް ގެ ގައިގާ ބައްދާލިއެވެ. “ދަރިފުޅާ މާމަ ވަރަށް އުފާވެއްޖެ ދަރިފުޅުގެ މަންމަ ދުނިޔޭގަ ހުރިނަމަ މަންމަ ވަރަށް އުފާވާނެ ..މަންމަ ކިޔާނެ އަބަދުވެސް މަންމަފަދައިން ދަރިފުޅު ވެސް ލޯޔަރަކަށް ނޫނީ ބައްޕަ ފަދައިން ޑިޓެކްޓިވް އަކަށް ވާ ތަން ދެކޭށޭ އެންމެ ބޭނުމީ … ދަރިފުޅު ކޯއްޗެއް ކިޔަވަން ބޭނުމީ ..” ސަބީނާ ، ޒެހެކްގެ މަންމަ ވާހަކަ ބުނުމުން ޒެހެކް ގެ އުފާވެރިކަން ވަޅުޖެހުނެވެ. އެކަން އިހްސާސް ވެގެން އަހުމަދު ސަބީނާގެ ގައިގާ ކޮއްޓާވެސް ލިއެވެ. “ދަރިފުޅު އަބަދު ޑިޓޭކްޓިވް އަކަށް ވާން ބޭނުން ވާ ވާހަކަ ކިޔާނެ .. އެކަމް މިހާ މޮޅު ވަނަ އެއް ގެނައި އިރު ބައްޕަ ބޭނުން ރާއްޖެ އިން ބޭރަށް ފޮނުވާގެން ވެސް ކޮންމެ ވެސް ރަނގަޅު އެއްޗަކުން ކިޔަވަން ….ކީކޭ ބުނަނީ ޒެހެކް ދަރިފުޅު” އަހުމަދު ވަރަށް ލޯބިން އަހައިލިއެވެ. ޒެހެކް އަދި ވިސްނަން ބޭނުންވާ ވާހަކަ ބުނެ އެދުނީ މިއަދު  ބޭރަށް ދިއުމުގެ ހުއްދަ އަކަށެވެ. އަހުމަދަށް ސަބީނާގެ މޫނަށް ބަލައިލެވުނީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ. އަށާރަ އަހަރަކަސް އޭނާގެ ގެ އުމުރު އެހެން ކުދިން އުޅޭހާ މިނިވަން ކޮށެއް ޒެހެކް އަކަށް ނޫޅެވެއެވެ. ގެއިން ބޭރަށް ދެވެނީ ސުކޫލަށް އަދި ގެޔާއި މާދުރުނޫން ޓިއުޝަން ކުލާހަކަށެވެ. އެވެސް ބައްޕަ ނޫނީ މާމަ އާއެކުއެވެ. ކިތަންމެ ސަކުވާއެއް ކުރިޔަސް އަހުމަދު އެހެން އެހަދަނީ ޒެހެކް އަށް ރަނގަޅަކަށް ކަމަށް ބުނެ ސަބީނާ ހަމަ ޖައްސައެވެ. އޭނާ އަކަށް އަހުމަދު ގާތު ޝަކުވާ ކުރާކަށް ނުކެރެއެވެ. “ބައްޕާ އަޅުގަނޑު މިހުރީ އެކަނި ބޭރުތެރެއަށް ނުކުމެ އުޅެވޭހާ ބޮޑުވެފަ.. ނުބުނާތި ނޫނެކޭ.. ރައްޓެހިން ވެސް އާދޭސް ކުރިޔަސް ދުވަހަކު ވެސް އެއްބަސް ނުވަނީ ބައްޕަމެން އޯކޭ ނުވާނެކަން އެނގޭތީވެ..” ފުރަތަމަ ފަހަރަށް އެވަރަށް ވެސް އެ ވާހަކަ ދައްކަން ޖެހުމުން ޒެހެކް ހުރީ ލަދުގަންނަ ގޮތް ވެފައެވެ. އަހުމަދު އެއްޗެއް ބުނަން އުޅެނިކޮން ސަބީނާ މިއަދު ޒެހެކް ދިޔަސް މައްސަލައެއް ނެތް ކަމަށް ބުނުމުން އަހުމަދަށް ހައިރާންވެގެން ސަބީނާއާއި ދިމާ ބަލައިލެވުނެވެ. ލޮލުގެ އިޝާރާތުން ހުރިހާ ކަމެއް ރަނގަޅުވާނޭ ކަމަށް ބުނުމުން އަހުމަދުވެސް އިތުރު އެއްޗެއް ނުބުނެ މަޑުން ހުއްޓެވެ. ނަމަވެސް އަހުމަދުގެ ހިތުގައި ނުތަވަސްކަމުގެ ރާޅެއް ހަބޮލިކޮށްލައިފިއެވެ. ޒެހެކް އުފަލުން ހުރެ ދިޔަގޮތައް ގޮސް ފޯނު ނަގާއި ކޮންމެވެސް މީހަކަށް މެސެޖެއް ކޮށްލިއެވެ.
***
ބެލްކޮނީގެ ކަހާ ދޮރު ހުޅުޥާލައިފާ ހުރުމުން އެތެރެއަށް ވަންނަމުން ދިޔަ ފިނިފިނި ވައިރޯޅިތަކުން ހިތައް ހަމަ ޖެހުން ލިބޭޙާ، އަރާމް ފިންޏެކެވެ. އިރު އޮއްސެމުން ދިޔަ ވަގުތު ކަމުން ވިއްސާރަ ވިލާ ތަކުގެ ތެރޭން މަޑު ރަތާއި އޮރެންޖް ގެ އެކި ކުލަތަކުން ތަންތަންކޮޅުތައް ފަވާލާފައިވިއެވެ.  ޥާރޭ ނުވެހުނަސް ބަނަވިލާ ކޮޅުތައް އެކި ހިސާބުތަކުގައި ވެއެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން އިރު ޔަޒަން ހީވަނީ ދެންމެ ނިދާ ހޭލައިގެން އިންހެންނެވެ. ކަޅުކުލައިގެ ކުޑަ ސޯޓެއްގައި އިން އިރު އޭނާގެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށެވެ. ކަނދުރާއާއި ހަމައަށް އޮތް އިސްތަށިގަނޑު ހޭވިފައި އޮތް އިރު އެ ރަތް ތުންފަތުގެ ކުލަ ވެސް ވަކިން ގަދައެވެ. އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލައިގެން ފޯނު ނަގައިގެން ކޯލް ލޮގް ބަލައިލީ މާވަރަކަށް ރިހާމް ގުޅާފައި އޮތުމުން އޭނާ އަށް ގުޅާލާށެވެ. އެވަގުތު ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ޖަހައިލުމުން އެނދުން ތެދުވެ ކޮޓަރީގެ ބޮކި ދިއްލާލިއެވެ. އަނދިރިކަން ވެރިވެފައި އޮތް ކޮޓަރިއަށް ހުދު އަލިކަން ވެރިވެގަތެވެ. ދޮރު ހުޅުވާލި އިރު މިލީނާ ހުރީ  ތަބަކެއް ހިފައިގެންނެވެ. ޔަޒަން އަށް އެންމެ ކަމުދާ ވައްތަރުތަކުގެ ހެދިޔާ އާއި ކޮފީއެވެ.  ކާތަކެތީގެ މީރު ވަސްގަނޑު ޖެހުމުން ބަނޑުހައިކަމުގެ އިޙްސާސް އޭނާ އަށް ކުރެވުނީ ވަކި ހެނެއް ބަލާފަކާ ނޫނެވެ.  ދެ ވައްތަރެއްގެ ޕިއްޒާ އާއި ފޮނި އެއްޗެއްގެ އިތުރުން ޔަޒަން އަށް އެންމެ މީރު ހެދިކާ ކަމަށްވާ ހަވާދު ލީ ބިސް އަދި ބަޖިޔާ ހުއްޓެވެ.  އަވަހަށް މިލީނާގެ އަތުގައި ތަބައް އަތުލާގެން ބެލޮކޮނީ ގެތެރޭގައި އިން ހުދު ސޯފާގެ މައްޗަށް އަރާ ކާންފެށިއެވެ. ޔަޒަން ގެ އަމަލުން މިލީނާ އަށް ހޭންފެށުނެވެ. ނުހެވޭ ވަރެއް ވެސް ނޫންތާއެވެ. އަނގަޔަކުން ބަހެއް ނުބުނެ، ކާ އެއްޗިސް ލިބުމުން ކަމުންދިއައިރު މިލީނާ އެތާ ހުރިކަމެއް ވެސް ނޭނގުނު ވިއްޔާއެވެ. “ދަރިފުޅާ  ތި ލަސްލަހުން ކައިބަލަ .. މަންމަ ވެސް އެބަހުރީމޭ މިތާގަ” މިލީނާ ވެސް ހެމުން ހެމުން އެ ކޮޓާރީގައި ހުރި ފެންފުޅިން ތައްޓަކަށް ފެން އަޅާއިގެން ގެންގޮސް ޔަޒަންގެ ކައިރީގައި އިން ހުދު ކުލައިގެ ކޮފީމޭޒު މަތީގައި ބޭންދިއެވެ. މިލީނާ ވެސް ޔަޒަންގެގާތުގައި އިށީންދެލަމުން ޔަޒަންގެ ހޭވިފައި ހުރި އިސްތަށިތަކުން ބައެއް އެއްފަރާތް ކޮށްލަ ދިނެވެ. އެއަމަލުން ޔަޒަންދެކެ މިލީނާ ވާ ލޯބި ހާމަ ވިއެވެ. ޔަޒަން އަނގަ ފުރާ އަޅާފައި ހުރި ކާއެއްޗިހިނުން އަނގައިން ނުބުނެވިގެން ހީލިއެވެ.
“ސޮރީ މަންމާ.. ހެނދުނު ކެއި ގޮތައް އެއްޗެއް ނުކައި ހުއްޓަ ނިދުނީ.. ދެން މަންމަ ތިއައީ އެންމެ މީރު ކާ އެއްޗިސް ހިފައިގެން .. އެހެނެއްނު ވާނީ..” ހީލައިފާ މިލީނާ އަށް ޔަޒަން ރައްދު ދިނެވެ. އެހެން ދުވަސްތަކަށް ވުރެން ގިނައިން ޔަޒަން ޙީލާތީ މިލީނާ އެކަމާ ސުވާލް ކުރިއެވެ. ޔަޒަން ވަގުތު ކޮށި އެރި އެވެ. މިލީނާ އަވަހަށް ކުރިމަތީގައި ހުރި ފެންތަށި ދިއްކޮށްލާފިއެވެ. އާނާ ހުރިތަން އެނގުނު ދުވަހުން ސުރެން ޔަޒަންގެ މޮޅިވެރިކަމަށް ކޮންމެ ވެސް ބަދަލެއް އައެވެ. މީހާ ހަމަޖެހި މޫނުމަތީގައި ވި މާޔޫސް ކަން ތަންކޮޅެއް ކުޑަވިހެންވެސް ހީވިއެވެ. ތަންކޮޅެއް ގިނައިން ހީލާތަން ވެސް ފެނެއެވެ.  އޭގެ ފަހުން މި ވީ ހަތަރު ދުވަހު ރިހާމްއާއި އެކު އެތައް ފަހަރަކު ބައްދަލްކުރަން ދިޔައެވެ. ނަމަވެސް އާނާ އެކަމަށްކުރަނީ އިންކާރެވެ. ނަމަވެސް ޔަޒަން ގެ އުއްމީދަކަށް ބަދަލެއް ނާދެއެވެ. ޔަޒަން އަށް ވިސްނުނީ އެންމެ ރަނގަޅުގޮތަކީ އާނާއަށް ވާހަކަ ދައްކަން ފަސޭޙަ ވާވަރަށް ވަގުތު ދިނުމަށެވެ. އަހަރެއް އެކަމަށް ނެގިޔަސް އޭނާ އިންތިޒާރް ކުރަން ނިންމިއެވެ.  އާނާ ސަލާމަތުން ހުރިކަން އެނގުނު ފަހުން ވެސް ޔަޒަންގެ ހިތައް ނުހަނު ފަސޭހަ ވެއްޖެއެވެ. “ކޮންމެވެސް ވަރަކަށް މޫވް އޮން ކުރަން ބޭނުން އެހެންވެ އެހެން ހީވަނީ .. އަނެއްހެން މާ ބޮޑު ކަމެއް ނުވޭ.. މަންމާ ކިޔަވަންދާން ވިސް ނައިފިން” ޔަޒަން ސީދާ މިލީނާގެ މޫނައް ބަލައިލިއެވެ. މިލީނާގެ މޫނުމަތިން ހައިރާން ކަން ފެނުނެވެ. “ބިޒްނެސް އިން… ސަބަބަކީ ބައްޕަ އެދިއްލެވީތީވެ… އެކަމް ޝައުގެއް ނެތް ..” ޔަޒަން ދުރު ބަލައިލުމުން އަތުގައި އިން ކޮފީ ތަށި ތުމުގައި ޖަހާލިއެވެ. އެތައް ދުވަހެއް ފަހުން ޔާމީންގެ ވާހަކަ ބުނުމުން މިލީނާގެ ހިތައް ވެސް ބުނެދޭން ނޭނގޭފަދަ އަސަރެއް ކުރިއެވެ. “ދަރިފުޅު ޝައުގެއް ނެތިއްޔާ ކީއްވެގެން ތިކިޔަވަނީ.. ކޮންދާއިރާއަކުން ކިޔަވަން ބޭނުންވަނީ .. އެންމެ ކުޑަ އިރު ވެސް ޕޮލިސް ހެދުން އަޅައިގެން އުޅޭތީ މަންމަ ހީކޮށްގެން މިހުންނަނީ ދަރިފުޅު ވަންނާނީ އެކަހަލަ ދާއިރާ އަކަށްށޭ..” މިލީނާ ހިތުގައި އުފެދުނު ސުވާލްތައް ޔަޒަން އާއި ކުރިއެވެ. “މަންމަ އާ އެއްވަރަށް ބައްޕައަށް ވެސް ރެސްޕެކެޓް ކުރަން.. ބައްޕަ ބުނުއްވާފަ އޮތީ ކޮންމެ ކަހަލަ ޖޮބްއަކަށް ވަނަސް ރަނގަޅު ކަމަށް ..އެކަމް ބިޒްނެސް ކިޔަވަން.. ބައްޕަ ހައްޔަރު ކުރުމުގެ ދުވަސްކޮޅެއް ކުރިން އެހެން ބުނީ .. ވަކި ހިސާބަކުން ބައްޕަގެ މަސައްކަތުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހިދާނެއޭ ބުނީ.. އެކަމް އަކުރަމް ވެސް އެބަ އެބައި ކުރިއަށް ގެންދޭ ..އަދިއެއް އޭނާގެ ފަރާތުން ޝަކުވާއެއް ނީވޭ އެކަމުގައެއް.. އެހެންވެ ބައްޕަ ބުނީތީ ވެ ކިޔަވާނަން .. އެކަމް މަންމަ ތިބުނިހެން ޕޮލިހަށް ޖޮއިން ކުރަން ވިސްނަނީ.. އެކަމް ކިޔާވާ ނިންމާފަ.. ބައްޕަ ގެ އެންމެ ލާސްޓް ވިޝް ފިލް ކޮށްދިނުމަކުން އަދި  ގޯހެއް ތާ..ހިޔެއް ނުވޭ ބޭކާރް ކަމަކަށް ވާނެހެންނެތް” ޔަޒަން ދައްކަމުން ދިޔަ ވާހަކަ މިލީނާ އިސްޖަހައިލާގެން އަހަމުންދިޔަ އިރު އެ މޫނުމަތީގެ އަސަރުތައް ޔަޒަން އަށް ތަރުޖަމާ ކުރުން ވީ ދަތިކަމަކަށެވެ.
“އެންމެ ރަނގަޅު ..ޒެން ގެ ބައްޕަ ބުނިހެން ކިޔަވަން މަންމަ އަށް ފެންނަނީ..އުމުރުން ތިހުރީ އަށާރަ އަހަރު ވެ ފަ.. ހަރު މީހަކު ހެން ވިސްނުން ހުރެ، ކުޑަ ކުއްޖެއްގެ ވިސްނުން ނެތީމަ މަންމަ ވަރަށް އުފާވެއްޖެ…  ނުލާހިކު މޮޅު ރިޒަލްޓްސް ގެނައީ އޯލެވެލް އިން ވެސް އޭލެވެލް އިން ވެސް.. ކިޔެވުމަކުން ގޯހެއް ނުވާނެ.. ވިއްޔާ ވާނީ ފައިދާ..އެ ތްރީ ޔެއާރސްގެ ކުރު ދަތުރެއް ހަމަ.. އެ ނިންމާފަ ޖޮއިން ވެލާ ޕޮލިހަށް.. މަންމަ ވެސް ތި ނިންމުމާ ތާއީދު..އަކުރަމް ބޭބެ އަކަށް ވެސް ނުހުރެވޭނެ އެންނު އަބަދަކު ދޯ.. ދުވަސް ވެސް ވާނެ ..ބަލިވެސް ވާނެ.. ” ޔަޒަން ، ޔާމީން ދެކެ ވާ ލޯބި ފެނި މިލީނާ ފެން ކަޅި ވާގޮތް ވިއެވެ. މިލީނާ ތަށިތައް ހިފައިގެން ދިޔުމުން ޔަޒަން ސޯފާއިން ތެދުވެގެން ގޮސް ރެއިލިންގްގައި އަތްއަޅުވާލަމުން ބޭރަށް ނަޒަރު ހިންގާލިއެވެ. ފަސްވަނަ ފަންގިފިލާގައި ހުރި އިރު ތަންކޮޅެއް ދުރުން ދިމާ ކުރިމައްޗަށް ވާހެން ފެންނަން އޮތް އާޓިފިޝަލް ބީޗްގައި އެވަގަތުވެސް އެތައް ބަޔަކު އުޅެއެވެ. ޔަޒަން އަށް ސިފަވެގެން ދިޔައީ އޭނާ އާއި އާނާ ކޮންމެ ރެއަކު ހެން އެތާގައި ވަގުތު ހޭދަ ކުރާ ގޮތެވެ. ބައެއް ދުވަސްދުވަހު ހަވީރް “ޕިކްނިކް” ހަދާލުމަށްވެސް ގޮސް ދެމީހުން އިރު އޮއްސެންދެން ވެސް ތިބެއެވެ. ނަމަވެސް އެންމެ ހަނދާން ވާން ފެށި ވާރޭ ވެހޭ ދުވަސްތަކުގައި ދެމީހުން އެކުގައި އުޅޭ ވަގުތު ތަކުގެ މަތިންނެވެ. ގޯތި ތެރޭގައިވާ މާމެލާމެލީގެ ބަގީޗާ ތެރޭގައި ރޭނގަޑަކަސް ދުވާލަކަސް ދެމީހުން ކުޑަކުދިން ފަދައިން ތެމި އުޅެވެއެވެ. ބޯޅަ ހިފައިގެން ފައިގަތަޅާ ކުޅެ، ފެންކޮޅެއް ހެދިފަ އިނިއްޔާ އެތާކު ފުންމާ، އެކަކު އަނެއްކަކު ފަހާ ދުވެ، އަތުޖެހުނު އެއްޗަކުން އެކަކު އަނެއްކަކު ގަޔަށް ފެން އުކާ ސަކާރާތް ޖަހައެވެ. ބައެއް ދުވަސް ދުވަހު ގޭގަ ގެންގުޅޭ މީހުން ވެސް ވާރޭގެ ތެރެއަށް ނެރެއެވެ. އެމީހުންވެސް މަޖާވެފައި ޔަޒަން މެންނާއި ބައިވެރިވެއެވެ. ފެށުނީންސުރެން އެގެއިން އަމިއްލަ ވަންތަކަން އިހްސާސް ވާތީ ގޭގައި ގެންގުޅޭ މީހުންވެސް  އެފަދަ ކަމެއް ކުރާކަށް  ޖެހިލުމެއް ނުވެއެވެ. ނިކަން އުފާވެފައި ޔަޒަން މެން ގޮވާލާއިރަށް ބައިވެރިވެއެވެ. އެތައް އިރަކު ހުރުމަށްފަހު އާނާގެ މަތިން މާބޮޑަށް ހަނދާން ވާން ފެށުމުން އެތެރެއަށް ދިޔައެވެ. އަނެއްކާ ވެސް ރިހާމްގުޅަން ފެށީ އެވަގުތުއެވެ.
***
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު